top of page

ޠާޣޫތު އިލްމުވެރިން

  • Writer: ilyashusein
    ilyashusein
  • Mar 25
  • 6 min read

Updated: Apr 6

ޚާއްސަ!! މިހާރާ ގުޅޭ!!



ދައްކަން ހުރި ރަނގަޅު ވާހަކަތައް ބައިވަރެވެ. އެހެނަސް ޝައިޚުން ވާހަކަތައް މަސްހުނި ނުކޮށް އެ ވާހަކައެއް ބުނެދޭން ޖެހޭތަނެއްގައި އެ ވާހަކައެއް ބުނެދޭނަމަ، މިފަދަ ވަސްވާސްތަކެއް ޝައިޚާ މެދު މީސްތަކުން ހިތުގައި ނުއުފެދޭނެއެވެ.


އިސްރާއީލާއި އީރާނު ހަނގުރާމަ އާ ވިއްދައިގެން ޝީޢީމަޒުހަބުގެ އަސާސީ ވާހަކަތައް ގެނެސް ދިނީމާ އެބަ ހަނގުރާމައިގެ މަގުސަދާއި ޖަޒުބާތު ގެއްލެއެވެ. މުސްލިމުންގެ މާތް ޖިހާދަށް އެބަ ބަދުބަސް ރައްދުވެއެވެ. ހެޔޮ ސީދާމަގު އެބަ އޮޅެއެވެ.


ޝީޢީ ހުރިހާ ފިރުގާތަކަކީ ކުފުރުގެ ދަރަޖައިގައި ހުރި ބޮޑެތި މަޒުހަބުތަކެއް ނޫނެވެ. ޝީއީންނަކީ އަލީގެފާނަށް ތަބާވި މުސްލިމުންނެވެ. މިހާރުގެ ގޮތަށް ބަލާ ނަމަ، އަލީގެފާނުގެ ސިޔާސީޕާޓީއެވެ. ދެން އެހުރީ އެޕާޓީގެ އެކި ގޮފިތަކެވެ. އެ އެންމެންނަކީ އީމާންކަންމަތީ ތިބި މުސްލިމުންނެވެ. ﷲ ވެޑިގެންވާކަމާއި މުހައްމަދުގެފާނީ، ﷲ ގެ އެންމެފަހު ރަސޫލާކަން ގަބޫލުކުރާ މީހުންނެވެ. ދީނުން ބޭރު ކުރެވޭނެ ބައެއްނޫނެވެ. އަދި ކޮންމެ ޝީއީ އަކީ ކާފަރެއް ނޫނެވެ.


ނުބުއްވަތާ ގުޅިގެން އެޖަމާއަތުގެ އަގީދާއަކީ، ކީރިތިރަސޫލާ އަކީ، ނަބީކަން ޚަތިމުކުރެއްވި ރަސޫލާ ކަމަށާއި، ﷲގެ މައުސޫމު ރަސޫލެއް ކަމުގައި ގަބޫލުކުރެއެވެ. އަދި ގުރުއާނަކީ އެކަލޭގެފާނު މައްޗަށް ބާއްވާލެއްވުނު ފޮތެއް ކަމަށާއި އެ ފޮތަށް ބަދަލެއް ނުގެނެވޭނެކަން ގަބޫލުކުރެއެވެ.


އިމާމަތާ ގުޅިގެން ޝީޢީން ގަބޫލުކުރާ އަގީދާ އަކީ، އިމާމަތުގެ ވެރިކަމެވެ. އެ ހުކޫމަތު ދެމިއޮންނަން ވާނީ ކީރިތިރަސޫލާގެ ދަރިފަސްކޮޅަށެވެ. އެގޮތުން މަހުދީގެފާނަކީ އެމީހުން ގަބޫލުކުރާ އިމާމުންގެ ތެރެއިން އެއްމެފަހު އިމާމެވެ. މަހުދީގެފާނު މި ދުނިޔެއަށް އުފަންވެފައިވާ ބޭފުޅެއް ކަމާ، ﷲ ގެ ހަޒުރަތުގައި ކޮންމެވެސް އުޑެއްގައި ރައްކާތެރިކަމާ އެކު މިހާރުވެސް ވުޖޫދުގައި އެބަހުންނެވި ކަމަށް އެމީހުން ގަބޫލުކުރެއެވެ. ފަހުޒަމާނުގެ ފިތުނަބޮޑުވެ ވަގުތު ޖެހުމުން މައްކާއިން ފާޅުވާނީއެވެ.


ސުންނީ ޖަމާއަތުން ދެކެނީ މަހުދީގެފާނަކީ ފަހުން އުފަންވާނެ ބޭކަލެއް ކަމަށެވެ. މަދީނާމުނައްވަރާއިން މައްކާއަށް ވަޑައިގަތުމުން، އެބޭފުޅާގެ ނުރުހުމާއި ނުގަބޫލުގައި މައްކާހަރަމްފުޅު ތެރޭގައި ގެފުޅުގާތުގައި މުސްލިމުންގެ ނަޔަކު އެކަލޭގެފާނަށް ބައިއަތު ހިފާއި އެމީހުންގެ ވެރި އިމާމުކަމުގައި ގަބޫލުކުރާނީއެވެ. އަދި ހަމަ އެރެއިން އެރެއަށް، މަހުދީގެފާނަށް ބޭނުންފުޅުވާ ހިކުމަތާއިހިލްމު، ﷲ އެކަލޭގެފާނަށް ދެއްވާނީއެވެ. މިހާރު ޝީޢީންގެ ފަރާތުން އީރާނާއި ދުނިޔޭގެ އެހެން ތަންކޮޅުތަކުގައި މިކުރެވޭ ހުރިހާކަމަކީ މަހުދީގެފާނުގެ ހުކޫމަތަށް މަގުފަހިކޮށް ދިނުމަށް ކުރެވޭ ޖިހާދެވެ.


މިއީ ސުންނީންނާ ހުރި ކުޑަ ތަފާތެކެވެ. މިއީ ދީނުން ބޭރުކޮށް ކުފުރު ކުރާވަރުގެ ބޮޑުޝިރުކެއް ނޫނެވެ. މިފަދަ ތަފާތުތަކަށް ގޮސް ބޮޑު ފިތުނައަކަށް ހަދާއި އުންމަތް ބައިބައިކުރުމަކީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫނެވެ. އުންމަތުގެ މަސްލަހަތު އިސްކުރަން ޖެހޭނެއެވެ. އިލްމުވެރިންގެ މަގަކީ އެއީއެވެ. ފިތުނަތަކުން ދުރުވާން ޖެހޭނެއެވެ.


އަހުރެން އަމިއްލަގޮތުން މަހުދީގެފާނާ މެދު މިދެގޮތްވެސް ހިތުގެ އަޑިން ގަބޫލުކުރަމެވެ. އަހުރެންގެ އަގީދާއަށް މަހުދީގެފާނު ފާޅުވުމާ މެދު އެއްވެސް އޮޅުންބޮޅުމެއް ނާރައެވެ. މަހުދީގެފާނު އުފަންވެ، ކޮންމެވެސް ދުނިޔެއެއްގައި މިހާރު ހުންނެވިޔަސް، އަދި ފަހުން އުފަންވެ ވަޑައިގަނެ ސާޅީސް އަހަރުފުޅު ވުމުން ފާޅުވިޔަސް މަހުދީގެފާނު ވަޑައިގެންނެ ވުމާ މެދު މުސްލިމުންގެ އަގީދާއަށް ފުށޫއެރުމެއް ނެތެވެ.


ދަންނައެވެ! އާޔަތުﷲ އަލީ ޚާމަނާއީ، ހަމަ ހިލާ އެކަކަށް ވެސް ކާފިރެއް ނުކުރެވޭނެއެވެ. އެމަނިކުފާނަކީ މިހާރު، ﷲ ގެ ހަޒުރަތުގައި ދިރިހުރި ޝަހީދެކެވެ. އަދި އާޔަތުﷲ އަލީ ޚާމަނާއީ އާއި އާޔަތުﷲ ޚުމައިނީ ކާފިރުކޮށް ޝީއީންގެ ގޮފިތައް ކާފަރުކޮށް، މިހަގުރާމަ އާ ގުޅުވާ ވާހަކަތައް ފަތުރާއި ދެއްކުމަކީ މުޅި ޖިހާދުގެ މައުޒޫއަށް މީސްތަކުން ނަފުރަތު ކުރުވުމެވެ. ސިރާތުމަގު އޮޅުވާލުމެވެ.


މީޑިއާގައި މިހާރު އެންމެ ހިނގާ މައުލޫ
މީޑިއާގައި މިހާރު އެންމެ ހިނގާ މައުލޫ

ޝީއީންގެ މަޒުހަބުތަކާއި ފިރުގާތައް ބަޔާންކޮށް، މީސްތަކުންނަށް ބުނެދީ ކިޔަވައިދެއްވަން، އެއްވެސް ޝައިޚަކު ބޭނުން ފުޅިއްޔާ ހަނގުރާމަ އާ ނުބައްސާ ވަކި ދަރުސްތަކެއް ގޮތުގައި ރާއްވަވައިގެން ކުރިޔަށް ގެންދެވުން ބުއްދިވެރިއެވެ. ފޮތްތައް ލިޔުއްވަންވީއެވެ. އެ ދޮރު އޮތީ ހުޅުވިފައެވެ. މީހަކު އެއްޗެއް ނުބުނާނެއެވެ.


ޝައިޚު ސަމީރުގެ ދޫފުޅުން، އާޔަތުﷲ އަލީ ޚާމަނާއީ ކާފިރު ކުރެއްވި އަޑެއް އަހުރެން އަދިއެއް ނާހަމަވެ. އަދި އެއީ އޭނާގެ ދުލުން ކުރައްވަފާނެ ކަމެއްކަމުގައި ގަބޫލެއް ނުކުރަމެވެ. އަހުރެން އަޑުއެހީ މިހަނގުރާމައާ ވިއްދާއި ޝީއީންގެ ބައެއް މަޒުހަބުތައް ކާފިރު ކުރެއްވި އަޑެވެ. އެއީ ވެސް މިދަނޑިވަޅުގައި ކުރުން ރަނގަޅުކަމެއް ނޫނެވެ!


ޝީޢީންނާ ގުޅޭ އިލްމީ ވާހަކަތައް ހަނގުރާމައާ ނުގުޅުވާ ވަކިން ދައްކަވާށެވެ. މީސްތަކުންނަށް ބުނެދެއްވާށެވެ. ދަރުސް ދެއްވާށެވެ. ދުނިޔޭގައި މި ވަގުތު ހިނގަމުންދާ ހަނގުރާމަ އަކީ ދެމަޒުހަބެއްގެ ދެމެދުގައި ހިނގަމުންދާ ތޮޅުމެއް ނޫނެވެ. ސިޔާސީ ދެޕާޓިއެއްގެ ދެމެދުގައި އޮތް ތަޅާފިޅުމުގެ ހަނގުރާމައެއް ނޫނެވެ.


މިހަނގުރާމަ އަކީ މުސްލިމުންގެ ހުރުމަތްތެރި ބިމުގައި ސަހުޔޫނީ ޔަހޫދީން ގައިމުކޮށް، އުފައްދަން އުޅޭ ސަހުޔޫނީދައުލަތް ކަމުގައިވާ އިސްރާއީލީ ދައުލަތާއި މުސްލިމުންނާ ދެމެދު އޮންނަ އަދާވަތްތެރިކަމެއްގެ ސަބަބުން ކުރެވެމުންދާ ބޮޑު ހަނގުރާމަ އެކެވެ. އީރާނު މުސްލިމުން ކުރަމުން ގެންދާ ޖިހާދެކެވެ.


ހަގީގަތުގައި ހަނގުރާމަ މި ހިނގަނީ، ﷲ ގެ ރޫހާނިއްޔާއި ޝައިތާނާގެ މާދިއްޔަތާ ދެމެދުގައެވެ. އީމާނާއި ކުފުރުގެ ދެމެދު ގައެވެ. ތިޔަ ނަންގަވަނީ، އަދި ހިތްޕަވަނީ، ޔަހޫދީންނާއި ނަސާރާއިންގެ އަތެވެ. ގުރުއާން ބުނެދެނީ، يهودى ންނާއި نصارى އިން، އެއީ ތިޔަބައި މީހުންގެ ގާތްއެކުވެރިން ކަމުގައި ނުހަދާށެވެ! ބަލައިނުގަންނާށެވެ! އެމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. މަދަދުގާރުންނެވެ. ތިޔަބައި މީހުންގެ ތެރެއިން އެމީހުންނަކީ އެކުވެރިން ކަމުގައި ބަލައިފި މީހާ ފަހެ، ދަންނާށެވެ! ހަމަކަށަވަރުން، އެއީ، އެމީހުންގެ ތެރެއިންވާ މީހެކެވެ.


ހަގީގަތުގައި ބޯހިމެނުމުގައި މިހާލަތުގައި ގުނޭނީ އެމީހުންގެ ގޮތުގައެވެ. ޔަހޫދީންގެ ގޮތުގައެވެ. ދެރަކަމެކެވެ. ގުރުއާން ބުނެދޭ ހަގީގަތް އޮޅުވާ ނުލައްވާށެވެ! ކޮންމެ އިލްމުވެރިއަކީ، އިލްމީ، އަދި ހިލްމީ ބޭފުޅަކަށް ވާން ދަސްކުރާށެވެ! އަމިއްލަ އެދުމާއި މާއްދިއްޔަތުގެ ދަހިވެތިކަމުގައި ވެރިކަމުގައި އޮންނަބާރު ރުއްސުމަށް ތާޤޫތުންނަށް ވެ ނުގަންނާށެވެ. އިލްމުވެރިން ނެތި ގެއްލިދިޔަ ނުދޭށެވެ!


މުސްލިމުން އިލްމީ ފެންވަރުގައި ވިސްނާއި ފިކުރު ކުރުމަކީ، އަދި އިލްމީ ބަހުސްކުރުމަކީ ދީނުން ބޭރުކޮށް ކުފުރުގެ ދަރަޖައަށް ގެންދެވޭނެ ކަމެއް ނޫނެވެ. އެއް އާޔަތާ މެދު ވެސް ދެ ގޮތަށް ދެތަފުސީރުވެރިން ވަނީ ތަފްސީރުކޮށް ދީފައެވެ. އެއީ އެމީހެއްގެ އިޖުތިހާދާއި އިލްމުގެ ފުންމިނުންނެވެ. އެތަފްސީރަކުން ގުރުއާނުގެ އާޔަތެއް ގޯހެއްނުވެއެވެ.


ވެރިން ރުއްސުމަށް އެކިއެކި މަފުހޫމް ނެރެދޭ އިލްމުވެރިންނަކީ ވެރިކަމުގެބާރުގެ ދަހިވެތިކަމަށް ގެނބިގަންނަ ޠާޣޫތުންނެވެ. ބާރާއި އަމިއްލަ އެދުމަށް ނަފުސު ވިއްކާލާމީހާއެވެ. ﷲ ގެ ރުހުން ދޫކޮށްލާއި ވެރިންނަށްތަބާވެ، ބޯލަނބާ މީހާއެވެ. ޠާޣޫތަކީ ހިދާޔަތާއި ރުޝްދުން އެއްކިބާވެ ބާތިލާއި ހަވާނަފުސުގެ ގެއްލުމަށް ތަބާވާ ތެދުމަގު ގެއްލިފައިވާ މީހާއެވެ. ޣައްޔު ނޫން އެއްޗެއް ނުފެންނާނެއެވެ.


ޣައްޔުއަކީ ވެރިކަމުގެބާރުގެ އެދުމަށް އަމިއްލަނަފުސު ވިއްކާލާ ދަހިވެތިޔާއެވެ. ތިމާގެ އިލްމު ހަވާނަފުސަށް ދޫކޮށްލާ މީހާއެވެ. މިއީ، ﷲ ގެ ހެޔޮމަގައި ދިމާ އިދިކޮޅެވެ. ރުޝްދު އާއި ރާޝިދޫން އާ އިދިކޮޅެވެ. ރާޝިދޫން އަކީ ރަސޫލާއަށް ފަހު މުސްލިމު އުންމަތުގެ ވެރިކަން ކުރެއްވި ހަތަރު ޚަލީފާއިންނެވެ. ޠާޣޫތުން ތަބާވެ ބަލައިގަންނާނީ ޑިކްޓޭޓަރު ވެރިންނެވެ!


ދިވެހި އިލްމިވެރީން ޝީޢީން އުފެދުނު ގޮތަށް ބަލައިލުން ބުއްދިވެރިއެވެ. އާދެ! ޝީޢީން އުފެދުމުގެ އަސްލު، ގޮސް ގުޅޭ ހިސާބަކީ އަލީގެފާނާއެވެ. ޝީޢަތުއަލީ، އަލީގެފާނުގެ ޕާޓީއާއެވެ. ޝީޢާ ގެ ލަފުޒީމާނަ އަކީ ތަބާވުން، އައުވާނުންނެވެ. ޕާޓީއެވެ. މިއީ އަލީގެފާނުގެ އައުވާނުންނެވެ. އެކަލޭގެފާނުގެ ލޯބީގައި އުފެދުނު ސިޔާސީ، އަދި އިޖުތިމާއީ ގޮތުން މަސައްކަތް ކުރުމަށް، އިސްލާމީ ތާރީޚުގެ ވަރަށް ކުރީކޮޅުގައި އުފެދުނު ހަރަކާތެކެވެ.


މުސްލިމުންގެ ތިންވަނަ ޚަލީފާ އުސްމާނުގެފާނު ޝަހީދުކޮށްލުމާ ގުޅިގެން އުންމަތުގެ ތެރޭގައި އުފެދުނު ސިޔާސީ ބައިވުމެކެވެ. މިބައިވުމުގެ އެއްކޮޅަކީ ހަތަރުވަނަ ޚަލީފާ އަލީގެފާގެޕާޓީއެވެ. އައުވާނުންނެވެ. މިކަމުގެ ތަބީއަތަށް ވިސްނާ އިރު، މިއީ މިޒަމާނެކޭ އެއްގޮތަށް، ތަބީއީގޮތުން އެދުވަސްވަރު އުފެދުނު ސިޔާސީ، އަދި އިޖުތިމާއީ ދެބައިވުމެކެވެ. ދެ ބޭފުޅަކަށް ތާއީދު ދޭ ދެޕާޓީއެވެ. އަދި ފަހުލަވާނުންނެވެ. މިދެބައި މީހުންނަކީ ވެސް އުންމަތުގެ އިސްލާހަށް އެދި ހުކޫމަތަށް ވާދަކުރާ ދެޕާޓީއެވެ. ދެ ޖަމާއަތެވެ.


މިކަމާ ހެދި އިސްލާމްދީނާއި އުންމަތާ އަޅުވާ އެއްބަޔަކު އަނެއްބަޔަކު ދީނުން ބޭރުކުރެވިގެން ނުވާނެއެވެ. ފަތުވާތައް ނެރެވިގެން ނުވާނެއެވެ. އެއްބައެއްގެ މިސްކިތްތައް އަނެއްބަޔަކަށް ބަންދު ކުރެވިގެން ނުވާނެއެވެ. މި ފަދަ ކަންކަން އެއްވެސް ބަޔަކު އަނެއްބަޔަކާ މެދު ކުރާނަމަ، އެއީ ދީނުން ބޭރުވުމެވެ. ފުރަގަސްދީ ހަރުކަށިކަމެވެ. ތެދުމަގު ނަގާލުމެވެ.


އާދެ! ސުންނީންނާއި ޝީޢީން، މިދެޕާޓީގެ އުންމަތަކީ މުސްލިމު އުންމަތަށް ވެފައި ދެ ޕާޓީގެ އަގީދާ އަކީ ވެސް، ﷲ ވޮޑިގެންވާ ކަމާއި ﷲ ގެ އެއްކައުވަންތަކަމާއި ﷲ ގެ ސިފަފުޅުތައް ކަމުގައިވާ، ދެނެވޮޑިގަތުމާއި ކުޅަދުންވަންތަ ކަމާއި ﷲ ގެ އިރާދަފުގެޅު ސިފަތައް ގަބޫލު ކުރުމެވެ. މާނަ ކުރުމުގައި ބައެއް ކުދި ތަފާތުތަކެއް، އެކި ގޮފިތަކުގައި ފަހަކަށް އައިސް އުފެދިފައިވަނީއެވެ.


އެހެނަސް މިއީ މައިގަނޑު އެއްދީނެއްގެ، އެއް އުންމަތެއްގެ ފެޖަމާއަތެވެ. ދެޕާޓީއާއި ގޮފިތަކެވެ. މިޒަމާނުގެ ސިޔާސީ ޕާޓީތަކަށް އަޅުވާ ވިސްނާލައްވާށެވެ. އޭރުން މި ވާގޮތް ވިސްނާލަން ވަރަށް ފަސޭހަވާނެއެވެ. އާދެ! މިހުރިހާކަމަކަށް ނަޒަރުކުރާ އިރު އަދުގެ މުޖްތަމައުތަކުގައި ފަތުރާފައި މި ވަނީ ދީނުގެ އަސްލުގައި ހިމެނޭކަމެއް ނޫނެވެ. ނެތް އާ ކަންކަމެކެވެ.


މުސްލިމުން ތެރޭގައި ޖަމާއަތްތަކާއި ފިރުގާތައް އުފައްދާއި އެކިގޮތްގޮތުން މަދަދު ދީ ހަދާބަޔަކީ ސަހުޔޫނީ ސިއްރު ދައުލަތުންނެވެ. މުސްލިމު ގައުތަކުގެ ވެރީންނަށް އެމީހުންގެ އޭޖެންޓުން ގެނެއެވެ. ސިޔާސީ، އަދި އިޖުތިމާއި ބޮޑެތި ފިތުނައެއް އުފައްދާއި ބައިބައި ކުރެއެވެ.


މިއީ ސަހުޔޫނީ ޔަހޫދީން ރާވައިގެން މުސްލިމުން ތެރޭގައި ދިރުވި ވިހަގަދަ ޒަހަރެކެވެ. މިހާރުގެ ސިޔާސީޕާޓީ ތަކަށް ވެސް ވަނީ، އެމީހުން އަޑީގައި ތިބެގެން އެ ޒަހަރު ރީތިކޮށް ލާފައެވެ. އެމަޅީގައި މިހާރު ޖައްސުވަނީ ސިޔާސީ ލީޑަރުންނެވެ. މިއީ ބޮޑެތި ފިތުނަތަކެވެ.


އައްލާމާ މުހައްމަދު ނާސިރުއްދީން އަލްއަލްބާނީގެ ސިލްސިލަތުލް އަހާދީސުއް ސަހީހާގައި ގެނެސްދެއްވާފައިވާ ހަދީސްފުޅެއްގައި ފަހުޒަމާނުގެ ބޮޑެތި ތިން ފިތުނައެއްގެ ޚަބަރު ކީރިތިރަސޫލާގެ ފަރާތުން ގެނެސްދެއްވައެވެ. އެރިވާޔަތް ބުނާ ގޮތުގައި ގިޔާދަތާއި ވިލާޔަތަށް އެކަށީގެން ނުވާ މީހުންނަށް ވެރިކަމާއި ހުކޫމަތު ދިނުމަކީ ފަހުޒަމާނުގެ ބޮޑެތި ފިތުނައެވެ. ބޮޑެތި އިމްތިހާނުތަކެވެ.


ފުރަތަމަ ފިތުނަ އަކީ ސަރާފިތުނައެވެ. އަރަބިބަހުން، ( فِتْنَة السَّرَّاء ) އެވެ. މި ފިތުނަ ފިތުނައެއްގެ ގޮތުގައި ހަދީސްގައި ބަޔާން ކުރައްވަނީ، ފިތުނަތުއްސަރާއި، ސަރާފިތުނައިގެ ނަމުންނެވެ. އަމިއްލަ އެދުމާ ހެދި ހުރިހާކަމެއް ދިމާ އިދިކޮޅަށް ކުރުމެވެ. ޅިނދުކަށިގަނޑު މަތީހައި ހުންނަ މޭކަށިތައް މައްޗަށް ޅިނދުކަށިގަނޑު އުފުލަން އުޅޭވައްތަރަށް ކަނަތައް ކުރުމެވެ. މީގެ މާނައަކީ އިލްމެއް، ހިލްމެއް ނެތުމުން ވެރިކަމުގެ މަސްއޫލިއްޔަތު ނުއުފުލޭ މީހުން ވެރިކަމާ ހަވާލުވުމެވެ. ނުއުފުލޭ ވަރުގެ އެއްބަސްވުންތައް ހަދާއި އޮޅުވާލުމެވެ. އަދި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލާއި ޖާހާއި އަންބޮނޑި ބޮޑުކުރާނެއެވެ.


މިހަދީސްފުޅުގައި ދެން ބުނެދެއްވާފައި އަނެއް ދެ ފިތުނަ އަކީ ފިތުނަތުލް އަޙްލާސް އާއި ފިތުނަތުލް ދުހައިމާ އެވެ. އަރަބި ބަހުން، ( فِتْنَة الْأَحْلَاس ) އާއި ( فِتْنَة الدُّهَيْمَاء) އެވެ. އަޙްލާސް ފިތުނައިގެ އިމްތިހާނަކީ ތަންކޮޅުތަކުގައި ގޮރިއްލާހަނގުރާ ފެށި ފެތުރުމެވެ. ހަމަލާއެއް ދީފައި ފަހަތަށް ޖެހި ފިލާނެއެވެ. އަލުން އަނެއްކާ ހަމަލާ ދޭނެއެވެ. މާނަ އަކީ ފަހުޒަމާނުގައި ހަނގުރާމަ އާންމުވެ ގިނަ ވުމެވެ.


އަދި ދުހައިމާ ފިތުނައިގެ އިމްތިހާނަކީ ކަޅުދުމުން ޖައްވު ފުރިގެންދިއުމެވެ. މުޅި ޖައްވު ނުސާފުވުމެވެ. ވިހަވުމެވެ. ދިރުންތައް ނެތިދާންފެށުމެވެ. ތިޔޮވަޅުތައް އަނދާއި ދިއުމުން، ނޫނީ ނިއުކުލިޔާ ހަތިޔާރަކުން އަރާ އޮލަ ދުމުން މުޅި ޖައްވު ކަޅުވެ ކިލަނބުވުމެވެ. ބިމާއި ޖައްވު ވިހަވުމެވެ. ޝައިތާނީބާރުން އެކި ހުނަރުތަކާއި ޓެކުނޮލެޖީ ދަސްކޮށް ލިބިގަނެގެން ދައްޖާލުނިޒާމު އޮންނާނީ މިކުޅަދާނަ ކަމުގައެވެ.


މިތިން ބޮޑެތި ފިތުނައިގެ ތެރެއިން ސަރާފިތުނަ އާއި އަޙްލާސްފިތުނަ ވަނީ ކޮންމެ ދިމާއަކަށް ބަލައިލިއަސް މިހާރު ފެންނާށެވެ. އަދި ދުހައިމާފިތުނަ ފެނުންވަނީ ވަރަށް ކައިރީގައެވެ. މިދޭތެރެއިން އީރާނުމަތިން ކަޅުދުމުގެވާރޭ ވެހިއްޖެއެވެ. މިހިސާބަށް ގައުމުތައް ފިތުނަވެ، ސޮއްސި ދިއުމަކީ ދައްޖާލީ ސިސްޓަމު ބަލައިގަތުމެވެ. ދައްޖާލުގެ ޝައިތާނީ ނިޒާމު ލިބިގަތުމެވެ. ހަގީގީ އިލްމުވެރިން ނެތި ދިއުމެވެ! މަހުދީގެފާނު ފައުޅުވުން ކައިރިވުމެވެ! އީސާގެފާނު ވަޑައިގަތުން ކައިރިވުމެވެ!


ގިނަގައުމުތަކުގެ ވެރިންގެ ކިބައިން މިއަދު ފެންނަނީ ފަހުޒަމާނުގެ ފިތުނައެވެ. ޚާއްސަކޮށް މެދުއިރުމަތީ އަރަބި ގައުމުތަކުގައެވެ. ހަނަފަސް ސަހަރާ ތެރޭގައި ޖަނަވާރު ހަމުގެ ފައިވާނުގައި ފޭލިގެތަކުގައި ދިރިއުޅުނު ބަދަވީންގެ ދަރިކޮޅު ފައިސާވެރިވެ، ސައުދާގަރުންނަށްވެ އަމިއްލަ ދަހިވެތިކަމުގައި ވެރިކަމާއި ރަސްކަމަށް އަރާއި ސަވާރު ވެއްޖެއެވެ. ބޮޑެތި އުސް އިމާރާތްތައް އެއްރަސްކަލަކު އަނެއް ރަސްކަލަކަށް ވާދައަށް އިމާރާތް ކުރާން ފަށާއިފިއެވެ.


ޒަމާނުއްސުރެ އަރަބީންތެރޭގައި ރަސްކަން ދެމެމުން އައި ވާރުތަވެރި ރަސްކަން ދައުރުވަމުން ގޮތަށް ބަދަލުގެނެސް ރަސްގެފާނުގެ އަމިއްލަދަރިފުޅަށް ވަނީ ސައުދީއަރަބިޔާގައި ރަސްކަން ފިރުކާލާފައެވެ. ފަހުޒަމާނުގެ ފިތުނައަށް އިޝާރާތް ކުރައްވާ ހަދީސްފުޅެއް ބުނާގޮތުގައި އަރަބިރަސްކަލެއްގެ ޚަލީފާވެރި ރަސްކަމެއް ގެއްލީ ވެރިކަންކުރި ތިން ރަސްކަލުންގެ ދަރިންގެ މެދުގައި ފިތުނަ ހޫނުވެ ދާޚިލީ ބޮޑުހަނގުރާމައަކަށް ގޮސް ސައުދިއަރަބިޔާ މިނާގައި އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކުރާނެއެވެ.


ސައުދީވެރިކަމުގައި މިހާރު ހުރި ސަލްމާނު ރަސްގެފާނުގެ ދަތިންކަލުން މުހައްމަދު ބިން ސަލްމާނެވެ. ސައުދީ ވިރާސީ ރަސްކަން ދެމެމުން ދިޔަގޮތަށް ބަލާ އިރު، ރަސްކަން ހައްގުވާ އަމީރުގެ ބައްޕާފުޅަކީ ވެސް ރަސްކަން ކުރި ރަސްކަލެކެވެ. އެ އަމީރު މިބަދަލު ގެނައުމާ ގުޅިގެން ހައްޔަރު ވެސް ކުރެވުނެވެ. އަދި އޭގެ ކުރީގެ ރަސްގެފާނު ކާލިދު އާއި ފައިސަލްގެ ދަރިންވެސް ދުނިޔޭގައި މިހާރު މިއަދުވެސް ދިރި އެބަ ތިއްބެވިއެވެ.


އެހަދީސްފުޅުގައިވާ ގޮތުން މިހާރު މިއޮތީ އެފިތުނަ ގާތްގަނޑަކަށް ފެށިފައެވެ. މަހުދީގެ ފާނު މަދީނާއިން މައްކާއަށް ވަޑައިގަންނަވާނީ މިފަދަ ބޮޑު ފިތުނައެއް، ތިންރަސްކަލެއްގެ ދަރީންގެ މެދުގައި ސައުދިއެރޭބިޔާގައި ފެށި މިނާގައި މާސިންގާ ގަތުލުއާންމެއް ހިންގައިގެން އުޅޭ ދުވަސްވަރެއް ގައެވެ. އަދި ހަމަ އެދުވަސްވަރު ވެގެންދާނީ، މަހުދީގެފާނަށް މައްކާގެފުޅު ކައިރީގައި މުސްލިމުން ބައިއަތު ހިފުމުން ޝާމުކަރައިން ބޮޑު ލަޝްކަރެއް މަހުދީގެފާނާ ދެކޮޅަށް ނުކުންނާނެ ދުވަސްވަރަށެވެ.


މިބިޔަ ލަޝްކަރު މައްކާއަށް މަހުދީގެފާނު ހުންނެވި ހިސާބަށް ފޯރުމުގެ ކުރިން ބިމުގެ އަޑިއަށް ލަޝްކަރު އެކީގައި އެންމެ މީހަކު ފިޔަވާ ގަންބަވައި ގަންނާނެކަމަށް ކީރިތި ރަސޫލާގެ ސައްހަ ހަދީސްފުޅެއްގައި ވާހިދުވެފައި ވެއެވެ. ވީމާ ހަގީގީ މަހުދީގެފާނު ފާޅު ވާނީ، ޝާމުކަރައިން ނުކުންނަ މިލަޝްކަރު ބިމަށް ގަންގަބައި ގަތުމުންނެވެ.


ދަންނާށެވެ! ދަނެ ގަބޫލު ކުރާށެވެ! ޝާމުކަރައިން ލަޝްކަރެއް ނުކުމެ ބިމުއަޑިއަށް ގަންބަވައި ނުގަންނަނީސް މަހުދީގެ ފާނު ފާޅެއް ނުވާނެއެވެ. މިވާހަކަ ޚައްސަކޮށް ފާހަގަކޮށް ލިޔެލަން މިޖެހުނީ މީގެކުރިން ދޮގުމަހުދީން ވެސް އަމިއްލައަކަށް ފާޅުވެގަނެފައި ވާތީއެވެ. އަދި މިގޮތަށް ފަހުން ވެސް މަހުދީއަކު މައްކާގައި އަމިއްލަ އަކަށް ފާޅުވެގެން ފާނެތީއެވެ.


ހަގީގީ މަހުދީގެފާނު ކަރަވަރުކޮށް ދެނެގަތުމަށް ޝަމުކަރައިގެ މިލަޝްކަރު ގަންބަވައިގަތުން، އެއީ އެންމެ ވަރުގަދަ ހެއްކެވެ. އާދެ! މި ހާދިސާ ވުޖޫދުވާނީ މަހުދީގެފާނު ޅުވުމުންނެވެ. ތިންރަސްކަލެއްގެ ދަރިންގެ ދެމެދުގައި ފިތުނަ ހޫނުވެ ދާޚިލީހަނގުރާމައެއް މިނާގައި ހިނގައި މިލަޝްކަރު ގަންބަވައިގަތުމުން ވެރިކަމާ ހަވާލުވާން ހުންނަވާނީ މަހުދީގެފާނެވެ!


ދެން އެއަށް ފަހު އީސާގެފާނު މިދުނިޔެއަށް ދެ މަލާއިކަތުންގެ އެހީފުޅުގައި ވަޑައިގަނެ ހަގީގީ ދައްޖާލާ ކުރިމަތި ލައްވާނީއެވެ. އޭރު އެމިސްކިތު ވަށައިގެން ދައްލާލުގެ ލަޝްކަރު ވާސާލާފައި ވާނެއެވެ. މަހުދީގެފާނުގެ އިމާމަތުގައި އީސާގެފާނު ފަތިސްނަމާދު ކުރެއްވުމަށް ފަހު ބޭރަސް ނުކުމެ ވަޑައިގަތުމުން އެކަލޭގެފާނުގެ ނޭވާފުޅިުގެ ބިރަށް ދައްޖާލު ކަލޭގެ ވިރެންފަސާނީއެވެ.


ފަހުޒަމާނުގެ މިފަދަ ފިތުނަތަކުން ރައްކާތެރިވުމަށް އޮތީ ހަމަ އެކަނި ތެދުމަގުޚިޔާރު ކުރުމެވެ. އީމާންތެރިކަން ގަދަ ކުރުމެވެ. ޠާޣޫތުންނާއި ދައްޖާލީ ސިސްޓަމުގެ ބާރުގަދަ ވެރިންނަށް ވަރަށް ކެރިގެން ފާޅުގައި ނޫނެކޭ ބުނުމެވެ! ވޯޓުތަކުގައި ނޫނެކޭ ބުނު ރަސްގެ ޖެހުމެވެ!


އަދި ކޮންމެ ނަމާދެއްގައި ފަހު އައްތޮހިއްޔާތުގައި ނޫނީ ނަމާދަށް ފަހު އަބަދުސް، ދައްޖާލުގެ ނުބައި ފިތުނަވެރިކަމުން ރައްކާތެރި ކުރެއްވުމަށް ދުއާ ދަންނަވާށެވެ. އަދި ހުކުރުދުވަހު ކަހަފު ސޫރަތް ކިޔަވާށެވެ. އޭރުން ހަމަކަށަވަރުން ޔަގީނެވެ. ދައްޖާލުގެ ފިތުނައިން އެމީހަކު ރައްކާތެރި ކުރައްވާނެއެވެ. މިއީ ކީރިތިރަސޫލާގެ ބަސްފުޅެވެ!


އަހުރެމެން ހުރިހާ ދިވެހިންނަކީ މުސްލިމުންނެވެ. އެއް އުންމަތެއްގެ، އެއްމިއްލަތެއްގެ ބައެކެވެ. މުސްލިމުންނެވެ. ސުންނީންނާއި ޝީޢީންނަކީ، ވެރިކަމަށް އައުމަށް، ހުކޫމަތު ގައިމުކުރުމަށް އުފައްދާފައިވާ ދެ ޕާޓީއެވެ. އަހުރެމެން މުސްލިމުން އެއްގަލަކަށް އަރަންވީއެވެ. ދީނާއި އުންމަތުގެ ދިފާއުގައި ޖިހާދު ކުރަންވީއެވެ. ގުރުބާނީ ދޭންވީއެވެ. އެއީ ﷲ ގެ ރިޒުގު ލިބޭގޮތަށް ދިރިދެމި ހުރުމެކެވެ!


ޝީޢީންނަކީވެސް ސުންނީންނަކީ ވެސް މުސްލިމު، އަވަށްޓެރި ރަހުމަތްތެރިންގެ ގޮތުގައި ތިބި އެއްބަޔެކެވެ. އެއްއުންމަތެކެވެ. އަޚުންނެވެ. އުޚުތުންނެވެ. ވީމާ އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދީ ހަނގުރާމަ ކުރުމުގެ ވިސްނުން އެއްކޮށް ދޫކޮށްލަންވީއެވެ. މުސްލިމުން އަލުން އެއްވެ އެއް އުންމަތަކަށް ވާންވީ ވަގުތަކީ މިއެވެ! ފަހުޒަމާނެވެ! ސަހުޔޫނީ ޔަހޫދީން ބަލިކުރަން ވީއެވެ! ޝައިތާނީބާރު ބަލިކުރަންވީއެވެ!


ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page