top of page

އަދުގެ އިސްލާމީ ދުނިޔެ، 1914 އިން 2014 އަށް! (ދެވަނަބައި)

  • Writer: ilyashusein
    ilyashusein
  • 6 days ago
  • 32 min read

*ފުރަތަމަ ވަޢްދު:

*ދެވަނަ ވަޢްދު:

*މަރކް ސައިކްސް:

*ޖޯރޖަސް ޕިކޮޓް:

*ތިން ވަނަ ވަޢްދު:

*ވޯލްޓަރ ރޮތްސްޗައިލްޑް:

*ފަލަސްތީނުބިމުގައި ތަލްއަވީވު އުދެއްދުން:

*ޒައޮނިޒަމް:

*ޖޭމްސް ބަލްފޯރު:

*ހައިމް ވައިޒްމަން:

*ބޮޑު ހަނގުރާމައަށް ފަހު ފަލަސްޠީން:

*އިނގިރޭސި ދައުލަތުން ޒައޮނިޒަމް އަށް ތާއީދުކޮށް ރުހުން ދިނުން:

*ޢިރާޤް އާއި ބައެއްރަށްތައް ހިފުމުގެ ހަނގުރާމަ:

*ކޫތް ވަށާލުން:

*ބަޣްދާދް ހިފުން:

*އިނގިރޭސިބާރުން ބަޣުދާދު މިނިވަންކުރުމުގެ ހަރަކާތް:




ފުރަތަމަ ވަޢްދު:


މިއީ މައްކާޝަރީފް އާއި މެކްމަހޮން އާ ދެމެދު ބަދަލުކުރެވުނު ލިޔުންތައް (HUSSEIN – MCMAHON CRRESPONDENCE) ނަމުގައި މަޝްހޫރު ވެފައިވާ ވަޢްދު އެވެ. މިލިޔުންތައް އިނގިރޭސި ވިލާތާއި މައްކާޝަރީފް އާ ދެމެދު ބަދަލުކުރެވުނީ، 14 ޖުލައި 1915 އިން ފެށިގެން، 30 ޖެނުއަރީ 1916 އަށެވެ.


ސިޓީތަކުގެ ފުރަތަމަސޮފުހާ
ސިޓީތަކުގެ ފުރަތަމަސޮފުހާ

މިއީ ބޮޑު ހަނގުރާމަ ހިނގި ދުވަސްވަރެވެ. ޙުސައިން ބިން ޢަލީ އާއި އިނގިރޭސި ހައިކޮމިޝަނަރ މެކްމަހޮން އާ ދެމެދު، ހިނގި ލިޔުންތަކުގައި ވަރަށް ތަފްޞީލް ކޮށް، މައްކާޝަރީފް ޙުސައިންގެ ރަސްކަމުގެ ދަށުގައި ޢަރަބި ބޮޑު ދައުލަތެއް، ޢަރަބި ހުރިހާ ޤައުމުތަކެއް ހިމެނޭގޮތަށް ހަދައިދޭނެ ކަމަށް ބުނެފައި ވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޢުޘްމާނީ ޚިލާފަތައި ދެކޮޅަށް، ނުކުމެދިނުމަށް ވަރަށް ފާޅުގައި އެދިފައި ވެއެވެ.


މިގޮތުގެ މަތިން، އަމިއްލަފުލަށް ޙިޖާޒުގެ ރަސްގެފާނު ކަމާއި ހުރިހާ ޢަރަބިންގެ އަމީރުކަމާއި ޚަލީފާކަމުގައި ދެކެވަޑައި ގަންނަވަން ފެއްޓެވިއެވެ. އިނގިރޭސިން، މީހުންނަށް އޮޅުވާލާއި ވާވައްދާލަން ހަމަ މޮޅީއެވެ. މައްކާޝަރީފް ޙުސައިން ރަސްގެފާނާއި މެކްމަހޮން އައި ދެމެދު އެންމެހާ ރަސްމީ ސިފައެއްގައި މިކަންތައް ނިންމާ ވަޢްދުވެ ޢަހަދު ކަށަވަރު ކުރުމަށް ފޮނުވި، ލިޔުމުގައި ތާރީޚް ޖަހާފައި ވަނީ، 24 އޮކްޓޯބަރ 1915 އެވެ. މިހާރު ވެސް މިލިޔުން ހެއްކެއްގެ ގޮތުގައި ފެންނަން އެބަހުއްޓެވެ. އިނގިރޭސި ޢަރްޝީފްގައި މިފަދަ ހުރިހާ ލިޔުންތަކެއް ފޮރުވާފައި އެބަހުއްޓެވެ.


ގޫގުލް ކޮއްލެއްވުމުން ފެންނާނެއެވެ. މިވަޢްދު ސިޓީގައި، ސޮއި ކުރައްވާފައި އޮތީ، އޭ ހެންރީ މެކްމަހަން ޖައްސަވާ ފައެވެ. މައްކާޝަރީފް އެދިވަޑައި ގެން ހުށަހެޅުއްވި އިމުގެތެރޭގައި ޢަރަބިންނަށް، އަމިއްލަ މިނިވަން ބިމެއް ދިނުމަށް ގްރޭޓްބްރިޓްން ތައްޔާރަށް އޮތްކަމަށް ވަޢްދު ވެފައިވެއެވެ. މިއީ މައްކާޝަރީފް ޙުސައިން އާއި އިނގިރޭސިންނައި ދެމެދު ވެވުނު ވަޢްދެވެ.


ދެވަނަ ވަޢްދު:


މިވަޢްދު އަށް ދެވިފައިވާ ނަމަކީ، ސައިކްސް ޕިކޮޓް އެގްރީމަންޓް (SYKES – PICOT AGREEMENT) އެވެ. އެއްބަސް ވުމުގެ މިވަޢްދު އަކީ، ރަޝިޔާގެ ރުހުމާ އެކު އިނގިރޭސި ދައުލަތް އާއި ފްރާންސްއާ ދެމެދު ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޢުޘްމާނީ ޚިލާފަތް އިން ކޮންޓްރޯލް ކުރަމުން ގެންދިޔަ އިސްލާމީ އުންމަތުގެ ބިންތައް ހަނގުރާމަ އަށް ފަހު، ބަހާނެގޮތްތަކާ މެދު ވަރަށް ސިއްރުން ވެވުނު އެއްބަސްވު މެކެވެ. މިއީ އިނގިރޭސިން ނާއި ފްރާންސް އާއި ރަޝިޔާއައި ތިންބައި މީހުންގެ މެދުގައި މަޝްވާރާކޮށް ރުޙުމާއެކު އެއްބަސްވި ވަރުގަދަ އެއްބަސް ވުމެކެވެ.


ބިންތައް ބެހުމުގެ އެއްބަސްވުން
ބިންތައް ބެހުމުގެ އެއްބަސްވުން

ހަނގުރާމަ ނިމިގެން އަރާރުންވާން ނުހަދާއި ނަތީޖާލިބުމުން ކަންކުރާނެ ގޮތް ކުރިން ނިންމީއެވެ. ފަހުން އަރާރުމަށް ދާންނުޖެހޭ ގޮތަށް އެހެން މީހުންނަށް އޮޅުވާލައިގެން ކަންކުރުމަކީ މިއެވެ. ދިވެހިން ބުނެއުޅޭ، ޔަހޫދީ ވިސްނުމަކީ މިއީއެވެ. ހިޔަޅު ވިސްނުމަކީ ވެސް މިއެވެ. އެއް ބިމެއްގެ ހުވަފެން، ތިންހަތަރު ފަރާތަށް ދައްކައިގެން ދުރާލައި ރާވާލީއެވެ.


ސިއްރު މިވާހަކަތަކުގެ މަޝްވާރާ ގައި އިނގިރޭސިންގެ ފަރާތުން އިސްކޮށް ބައިވެރިވީ، މަރކްސައިކްސް އެވެ. އަދި ފްރާންސްގެ ފަރާތުން، އިނގިރޭސިންނާ އެކު ސިއްރު ވާހަކަ ތަކުގައި ބައިވެރިވީ، ފްރާންސްގެ ރައްޔިތެއް ކަމުގައިވާ، ޖޯރޖަސް ޕިކޮޓް އެވެ. މިދެ ފަރާތާގުޅޭ ވާހަކަކޮޅެއް ގެނެސްދޭ ނަމެވެ.


މަރކް ސައިކްސް:


މަރކް ސައިކްސް (SIR MARK SYKES, 16 MAR 1879 – 16 FEB 1919) އަކީ، އިނގިރޭސި ރައްޔިތެކެވެ. މީނާއަކީ ޢަސްކަރީ ރޭންކްގެ ގޮތުން ކަރނަލް އެކެވެ. މެދުއިރުމައްޗަށް ދަތުރުކުރި ފަތުރު ވެރިއެކެވެ.


ކާނަލް މާކް ސައިކްސް
ކާނަލް މާކް ސައިކްސް

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ޑިޕްލޮމެޓިކް އެޑްވައިޒަރ އެވެ. އަދި ވަރަށް ފުންނާބު އުސް ސިޔާސީ މުޙައްނިޤް އެކެވެ. 1912 ގައި ކޮންޒަވޭޓިވް ޕާޓީގެ، އެމްޕީ އެއްގެ މަޤާމްވެސް ފުރުއްވިއެވެ.


އިނގިރޭސި ޚާރިޖީ ދާއިރާގައި ވަރަށް އިތުބާރުހިފޭ ބޭފުޅެކެވެ. މެދުއިރުމަތީގެ ކަންތައްތަކާއި ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވަރަށް އިސްކޮށް ޝާމިލްވެ ހަރަކާތްތެރިވި ބޭފުޅެކެވެ. ބޮޑު ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު، ހަނގުރާމަ ނިމިގެން ބޮޑު އަރާރުމަކަށް ނުގޮސް ކުރިޔާލައި އިސްލާމުންގެ ބިންތައް ބޮޑެތި ބާރުތަކުގެ މެދުގައި ބެހުމުގައި ފަރަންސޭސިންނާ އެކު މަޝްވަރާ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ސީދާ މީނާއެވެ.


އަދި މިއެއްބަސްވުން ޑްރާފްޓްކޮށް ފައިނަލައިޒް ކުރުމުގައި އިސްދައުރެއް ކުޅުއްވި އެވެ. މަރކް ސައިކްސް އާއި ޓީ.އީ ލޮރެންސް އާ ދެމެދު އާދަޔާޚިލާފު ގުޅުމެއް އޮވެއެވެ. ލޯރެންސްގެ ލީޑަރޝިޕްގެ ދަށުން މައްކާޝަރީފް ޙުސައިންގެ ފަރާތުން ކުރެވުނު، ޢަރަބި ހަނގުރާމައިގެ ދިދަ ފަރުމާކޮށް ދެއްވީ، ސައިކްސް އެވެ. ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބިން ކުރި ހަނގުރާމައިގާ ބޭނުންކުރީ، މިދިދަ އެވެ.


މައްކާޝަރީފުގެދިދަ
މައްކާޝަރީފުގެދިދަ

އާދެ! ސައިކްސް މަރުވީ، ޕެރިސް ޕީސް ކޮންފަރެންސް އަށް ވަޑައިގެން ޕެރިހުގައި އުޅުއްވަނި ކޮށެވެ. މަރުވީ، ޕެރިހުގައި ހުންނެވި ހޮޓަލުގެ ކޮޓަރީގައި، 16 ފެބްރުއަރީ 1919 ވަނަ ދުވަހުއެވެ. އޭރު ޢުމުރަކީ، 39 އަހަރެވެ. އާލަސްކަން ފުލަކަށްވީ ސްޕެނިޝްފުލޫ އެވެ. މިބަލީގެ ވައިރަސް ހޯދާއި ދެނެގަތުމުގެ ބޭނުމުގައި ފަހުގެ ދުވަސް ވަރެއްގައި މީނާގެ ގަބުރުކޮނެ ޑީއެންއޭ ޓެސްތުތައް ހަދާފައިވެއެވެ.


ފަހެ، ސައިކްސް ޕިކޮޓް އެއްބަސްވުމުގެ ޑްރާފްޓްގެ ތެރޭގައި މައްކާޝަރީފް އާއެކު، އެއްބަސްވި ވަޢްދުގައި ހުރި ބިންތައް ވެސް ހިމެނިގެން ވެއެވެ. މިއިން އެނގިގެން ދަނީ އިނގިރޭސިންގެ ދެފުއްދެގޮތް ސިޔާސަތަކީ މާސިންގާ އޮޅުވާލުމެއް ކަމުގައެވެ. މިކަމުގައި ވެސް ލޯރެންސްގެ އަތެއްވާ އިރު މައްކާޝަރީފް ޢާއިލާއަށް އެއްގޮތަކަށް ވެސް އެނގުމެއް ސިހުމެއް ވެފައެއް ނެތެވެ. ރެއަކައިލާފައެއް ނެތެވެ. ލޯރެންސް ވަނީ މިއެއްބަސް ވުމުގެ ވާހަކަތައް ޢަރަބިންނަށް ސިއްރުކޮށް ފައެވެ. ފަހެ، މިއީ ވަރަށް ސިއްރުކުރި އެއްބަސްވު މެކެވެ.


ޖޯރޖަސް ޕިކޮޓް:


ސައިކްސް ޕިކޮޓް އެއްބަސް ވުމުގައި ފްރާންސްގެ ފަޅިން މަސައްކަތް ކުރެއްވީ، ޖޯރޖަސް ޕިކޮޓް (FRANCOIS MARIE DENIS GEORGES PICOT, 21 OCT 1870 – 20 JUN 1951) އެވެ.


ޖޯރޖަސް ޕިކޮޓް
ޖޯރޖަސް ޕިކޮޓް

މީނާއަކީ، ފްރާންސްގެ ފުންނާބުއުސް ޑިޕްލޮމޭޓެކެވެ. މިއެއްބަސް ވުމުގައި ފްރާންސްގެ ފަރާތުން ހުރިހާ މަސައްކަތެއްކޮށް ސޮއި ކުރެއްވީ ޖޯރޖަސް ޕިކޮޓް އެވެ. އިސްލާމީ އުންމަތުގެ ބިންތައް ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ބަހާލުމަށް ސައިކްސް އާ އެކު، ޕިކޮޓް ޢަމަލީގޮތުން ބައިވެރިވެ ގިނަގުނަ މަސައްކަތްތަކެއް ކޮށް، ހުރިހާ މަޝްވަރާ ތަކުގައި ބައިވެރިވެ ބޮޑު ހިއްސާއެއް އަދާކުރިއެވެ.


ރަޝިޔާގެ މަންދޫބާއެކު ތިންމީހުންވެގެން ޢުޘްމާނީ ޚިލާފަތްގެ ދަށުގައިހުރި ޢަރަބި ބިންތަކުގެ ޗާޓް މިބޭފުޅުންގެ ކުރިމަތީގައި ބާއްވައިގެން މިވެރިންގެ މަޝްވަރާ އާއި ރުހުމާ އެކު، މުސްލިމުންގެ ބިންތައް ބަހާލައި ނިންމިއިރު މިމީހުންނަކީ، އެބިންތަކަށް ޢަމަލީގޮތުން ޒިޔާރަތްކޮށް އެބިމުގެ އަހްލުވެރިންގެ ޝުޢޫރުތައް އަޑުއަހާއި ހަމަލޮލުން ދެކިފައިވާ ބައެއްނޫނެވެ.


އަދި އެބިންތަކުގެ އަހްލުވެރިންގެ އިޙްސާސްތައް އެއްގޮތަކަށް ވެސް ދަންނަބައެއް ނޫނެވެ. ޒަމާނުއްސުރެ އެބިންތަކުގައި ވަޒަންވެރި ވެގެން ދިރިއުޅެމުން ދިޔަ ޢަރަބި ރައްޔިތުންގެ ވިސްނުމާއި ފިކްރު އާއި އެދުންތައް އެއްގޮތަކަށް ވެސް ނުދަނެ ނޭނގި ތިބި ބައެކެވެ. އެބިންތަކުގައި ދިރިއުޅެމުން ގެންދާ ޙަޤީޤީ ރައްޔިތުންގެ ވިންދާއި ޙާލަތު ދެކިފައިވާ ބައެއްނޫނެވެ.


މާދުރު ހިސާބެއްގައި ހުރި މޭޒެއްގެ ދަށުގައި ތިއްބަވައިގެން، އިސްލާމީ ޚިލާފަތްގެ ދަށުގައި ޒަމާނުއްސުރެ ހުރި ބިންތައް، އެއްބަޔަކު އަނެއްބަޔަކަށް ޗާޓެއްގައި ރޮނގުއަޅާއި ކުލަޖައްސައިގެން ބަހާ ނިންމާލީ އިންތިހާ އަށް އަނިޔާވެރި ކޮށެވެ. ރަޙުމްކުޑަ ގޮތަކަށެވެ. އިސްލާމުންނަށް އަނިޔާވެރި ވަމުންނެވެ.


ޢަރަބި އިސްލާމުންނަށް އެއްވެސް އިންސާފެއް ކުލުނެއް ނެތިއެވެ. މައިދާނުގައި ވަޙުޝީ ހަނގުރާމައެއް ކުރެވެމުން ދިޔައިރު، ދުރުތަނެއްގައި ހުރި މޭޒެއްގެ ކައިރީގައި ތިބެގެން މިނިންމާލީ މާބޮޑު ކަމެކެވެ. ފަހުން ކަން ކުރާނެ ގޮތާމެދު އެއްބަސްވެ ސޮއިކޮށް އަތާތަތް ޖޯޑުކުރީ އެވެ. މިކަން މިމީހުން ބެއްވީ، ވަރަށް ސިއްރިއްޔާތު ގައެވެ.


އާދެ! މިމަޝްވަރާތައް، 1915 ނޮވެންބަރ އިން ފެށިގެން، 1916 މާޗް އައި ހަމައަށް ދެމިގެން ދިޔައެވެ. އެއްބަސް ވެވުނު ޗާޓުގައި މިޖަމާޢަތުން ސޮއިކުރީ، އޭ އާއި ބީ ޖަހައި ފާހަގަކޮށް ކުލަޖައްސައި ސަރަޙައްދު ތައް ބައިކޮށް، އެސަރަޙައްދުތައް ރޮނގުއަލާއި ކަނޑައެޅުމަށް ފަހު، 8 މެއި 1916 ވަނަ ދުވަހުއެވެ. މިޗާޓްގެ އަޞްލުވެސް ސޮއިތަކާ އެކު ފެންނާން އެބަ ހުއްޓެވެ. ގޫގުލްކޮއްލުމުން ފެންނާނެއެވެ. މަތީގައި ފޮޓޯއެއް ގެނެސްދީފައި ވާނެއެވެ.


ޑްރާފްޓް ފައިނަލްކޮށް ނިންމާލެވުނީ، 16 މެއި 1916 ގައެވެ. ލަންޑަނުގައި ފްރާންސުން ހުންނެވި ސަފީރު، ޕޯލް ކަމްބޮމް އާއި އިނގިރޭސި ފޮރިންގ ސެކްރެޓަރީ އަކަށް އޭރު ހުންނެވި، އެޑްވަރޑް ގްރޭ އާދެމެދު ލިޔުމުން މިއެއްބަސް ވުން ކުރިޔަށް ގެންދިއުމަށް ފެހި ސިގްނަލް ދެއްވީ، 9 މެއި 1916 ގައެވެ. 8 ވަނަ ދުވަހު ބިންތައް ފައިނަލްކޮށް ހަމަޖައްސައި، ސޮއިކުރެވުނު ޗާޓަށް، 9 ވަނަ ދުވަހު އޯކޭ ލިބި ތައްގަނޑު ޖެހި، 16 ވަނަ ދުވަހު މި އެއްބަސް ވުން ވުޖޫދަށް ގެނެވުނީއެވެ. އިސްލާމީ، ޢަރަބި އެތައް ބައެއްގެ އަމިއްލަ މިލްކު ބިންތައް ބަހާލުމަށް ވަޢްދުވެ ސޮއިކޮށް، މޭޒެއްގެ ދޮށުގައި ތިބެގެން ނިންމާލީ އެވެ.


އާދެ! މިއީ ބޮޑު ހަނގުރާމާގައި އިއްތިޙާދީންގެ ގޮތުގައި ތިބި، އެކިބައި ވެރިންގެ މެދުގައި ވަރަށް ސިއްރުން އެއްބަޔަކު އަނެއްބަޔަކަށް ނާންގައި އިނގިރޭސިން ޑަބަލްހޭންޑް ކޮށް، ބަންދު ކޮޓަރިއެއްގެ މޭޒުދޮށުގައި ތިބެގެން ސިއްރުގޮތެއްގައި ހިންގި ވަޢްދެކެވެ. ހަގީގަތުގައި ޖަރީމާއެކެވެ. މައްކާޝަރީފް ޙުސައިން އަށް، އެނގުމެއް ނެތި ސިއްރުން ކުރި ކަމެކެވެ. މައްކާޝަރީފް ޙުސައިން އަށް ދިނުމަށް ވަޢްދުވި ބިންތަކުން ބައެއް ބިންތައް، ހަމަ އެއްދުވަސް ވަރެއްގައި ފްރާންސް އަށާއި ރަޝިޔާއަށް ދިނުމަށް ވަޢްދުވެ ބައިއަޅައި ދިނީއެވެ.


ހަމަގައިމު ވެސް މިދެވަޢްދުގެ ހުރިހާކަމެއް ވެސް، ލޯރެންސް އަށް ވަރަށް ސާފުކޮށް އޮޅުމެއް ނެތި، އެނގޭނެއެވެ. ނޭނގި ނުހުންނާނެ ކަން ކަށަވަރެވެ. އެހެނަސް މައްކާޝަރީފް ޙުސައިން އާއި އޭނާގެ، 3 ދަރިކަލުން، ޢަލީ ބިން ޙުސައިން އާއި ޢަބްދުﷲ އެކެއް ބިން ޙުސައިން އާއި ފައިޞަލް ބިން ޙުސައިން އަށް މިއެގްރީމަންޓްގެ ޚަބަރެއް ސިހުމެއް ވިޔަދީފައެއް ނެތެވެ.


ފަހެ، މިއެއްބަސްވުން ދުނިޔެއަށް ފަޅާއަރުވާލީ، ރަޝިޔަން އެންޕަޔަރގެ އެތެރޭގައި، 1917 ވަނަ އަހަރު ހިނގި އިންގިލާބަށް ފަހު، ބޮލްޝެވިކުން ވެރިކަމަށް އައިސް، އެއްބަޔަކު އަނެއްބަޔަކު ބަދުނާމު ކުރުމުގެ ބޭނުމުގައި ކުރި ކަންތަކުގެ ތެރޭގައެވެ. ރަޝިޔާގައި ބޮލްޝެވިކުންނަށް ބާރުލިބުނީ، 1917 އިން ފެށިގެންނެވެ.


އޭގެ ކުރިން، ރަޝިޔާގައި ވެރިކަން ކުރީ ޒާރުންނެވެ. ބޮލްޝެވިކުން، ވެރިކަމާ ޙަވާލުވެ ކުރީގެ ދުވަސް ވަރުގައި ސިއްރުން އިނގިރޭސިންނާ އެކު ހަދާފައި ހުރި ޑަބަލްހޭންޑް އެއްބަސް ވުންތައް ފަޅާއަރުވާލައި ބޭޒާރުކޮށްލީ އޭރު ވެރިކަމުގައި ތިބި، ޒާރުން ބަދުނާމު ކުރުމުގެ ބޭނުމުގައެވެ.


އިނގިރޭސި ވިލާތުގެ ދުވަހު ނޫސް ދަގާޑިއަން ގައި، 26 ނޮވެންބަރ 1917 ވީ ހޯމަދުވަހު، މިއެގްރީމަންޓާ ބެހޭ ޚަބަރު “ރަޝިޔާ އެންޑް ސީކްރެޓް ޓްރީޓީސް” މިސުރުޚީގެ ދަށުގައި ވަރަށް ތަފްޞީލް ކޮށް އާންމުކޮއްފައި ވެއެވެ. މިމަޝްވަރާ ތަކުގައި ރަޝިޔާއިން އެދުނީ، އެމީހުންގެ ބާރުގެ ދަށުގައި ތުރުކީގެ ކަނޑުއޮޅިތަކާއި އަރްމީނިޔާ ބާއްވައި ދިނުމަށެވެ. ތުރުކީ އަކީ، ރަޝިޔާއަށް ބޭނުންތެރި ބިމަކަށް ވަނީ، ބްލެކްސީން މައިކަނޑަށް ނުކުމެވެން އޮތް ދެކަނޑުއޮޅި އޮތީ، ތުރުކީ ތެރޭގައި ކަމަށް ވާތީއެވެ. އެއީ ޑަރޑަނަލްސް ކަނޑުއޮޅި އާއި ބޮސްފަރެސް ކަނޑުއޮޅި އެވެ.


ތިން ވަނަ ވަޢްދު:


މިވަޢްދު އަށް ދެވިފައިވާ ނަމަކީ، “ބަލްފޯރ ޑެކްލަރޭޝަން” (BALFOUR DECLARATION) އެވެ. މިވަޢްދު ވެފައިވަނީ، 2 ނޮވެންބަރ 1917 ގައި އޭރުގެ އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ބަލްފޯރ އާއި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ޔަހޫދީ މުޖްތަމަޢުގެ ލީޑަރ ވޯލްޓަރ ރޮތްޗައިލްޑް އާދެމެދު ގައެވެ. މިއީ އިސްލާމުންގެ އެއްޙަރަމްފުޅު ކަމުގައިވާ ޤުދުސް ޔަހޫދީ ޒައިނިސްޓުން ދިރިއުޅުމަށް ދިނުމަށް ނިންމި، ވަޢްދު އެވެ.


ބަލްފޯރ އެއްބަސްވުން
ބަލްފޯރ އެއްބަސްވުން

އެއްދުވަސް ވަރެއްގައި، 3 ވައްދުވެ މި ނިންމާލީ، އެއްބިންތަކެއް އެކިފަރާތް ތަކަށް ދައްކައި ގެންނެވެ. މިވައްދު އަކީ، ދުރާލައި ރާވައިގެން، ފަލަސްޠީން ގައި ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ގައިމުކޮށް ދިނުމަށް އިނގިރޭސިން ހިންގި އެންމެ ބޮޑު ޖަރީމާއެވެ. ޖޭމްސް ބަލްފޯރ އާއި ވޯލްޓަރ ރޮތްޗައިލްޑް، މިދެބޭފުޅުން ނާއި ޔަހޫދި ޒައިއޮނިޒަމް އާބެހޭ ކުރު، މަޢްލޫމާތުކޮޅެއް މިތާނގައި ގެނެސް ދޭނަމެވެ.


ވޯލްޓަރ ރޮތްސްޗައިލްޑް:


ވޯލްޓަރ ރޮތްސްޗައިލްޑް (LIONEL WALTER ROTHSCHILD, 8 FEB 1868 – 27 AUG 1937) އުފަންވީ، ލަންޑަން ގައެވެ. ކިޔެވީ، އިނގިރޭސި ވިލާތުގައެވެ. ޒުވާން ދުވަސްވަރު، ޔޫރަޕްއަށް ދަތުރުކޮށް ހެދިއެވެ. އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީ އަށް ވަނުމުގެ ކުރިން، ޖަރުމަންގެ ބޮން ޔުނިވަރސިޓީ އަށް ދިޔައެވެ. ކެމްބްރިޖް ނިންމުމަށް ފަހު، ބައްޕަގެ ޢާއިލީ ވިޔަފާރީގެ ތެރެއަށް، ބޭންކިން ވިޔަފާރީގެ ތެރެއަށް ވަދެ ޢާއިލާގެ އަމިއްލަ ބޭންކުގައި މަސައްކަތް ފެށީއެވެ. ބޭންކަރެކެވެ. ސިޔާސީބޭފުޅެކެވެ. ޒޫލޮޖިސްޓެކެވެ. އަސްކަރީއެކެވެ. އާއިލީ ބޭންކު އެވިޔަފާރީގައި މަޝްހޫރުކަން ހޯދިއެވެ.


ވޯލްޓަރ ރޮތްސްޗައިލްޑް
ވޯލްޓަރ ރޮތްސްޗައިލްޑް

ވޯލްޓަރ ރޮތްސްޗައިލްޑްގެ ޅައުމުރަށް ބަލައިލާ އިރު، ޢުމުރުން އެންމެ، 7 އަހަރުގައި ދޫނިސޫފާ ސޫފި އާއި ޖަނަވާރުގެ އެކިބާވަތް ތަކަށް އިންތިހާއަށް ލޯބިކޮށް ހެދިއެވެ. އަދި އަމިއްލައަށް ޒޫލޮޖިކަލް މިއުޒިއަމް އެއް ހަދައި އެމަސައްކަތު ގައި ޝާމިލްވެގެން އުޅުނެވެ. އަދި ޢުމުރުން، 21 އަހަރުގައި ޢާއިލީ ވިޔަފާރި ކަމުގައިވާ ބޭންކިންގް ވިޔަފާރިއަށް އަމަލީގޮތުން ވެންނެވިއެވެ. 1889 އިން ފެށިގެން، 1908 އަށް އެމަސައްކަތު ގައި ކާމިޔާބު ތަކެއް ހޯދިއެވެ.


ވޯލްޓަރ ރޮތްސްޗައިލްޑްގެ އިސްކޮޅުގައި، 6 ފޫޓް، 3 އިންޗި ހުރެއެވެ. ވާހަކަދެއްކުމު ގައި ކުޑަކޮށް އާގަތުމެއް ހުރެއެވެ. ގެންގުޅުއްވާ ޖަނަވާރު ތަކާއެކު ގިނަ ވަގުތު ހޭދަކުރައްވާ ކަމަށް ވެއެވެ. ވަލުޙިމާރުގެ، 6 ޙިމާރު ބޭނުންކޮށް ގެން ދުއްވާ ގާޑިޔަލެއް އަމިއްލައަށް ފަރުމާކޮށް ބޭނުންކޮށް ހެދިއެވެ. ވޯލްޓަރ ރޮތްސްޗައިލްޑް ރަސްމީކޮށް ޤާނޫނީ ކައިވެންޏެއް ނުކުރެއެވެ. އެހެނަސް ދެލޯބި ވެރިން، މިސްޓްރެސް އިންގެ ގޮތުގައި ގެންގުޅުނެވެ. އެއިން އެކަކަށް، އަންހެން ދަރިއަކު ލިބުނެވެ.


ވޯލްޓަރ ރޮތްސްޗައިލްޑް ސިޔާސީ މައިދާނުގައި ޔަހޫދީ ޒައޮނިސްޓުން ކުރިއެރުވުމަށް އިސްދައުރެއް އަދާކިރި އެވެ. ނަގާކީ އެ އާއިލާއިންނެވެ. އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އިނގިރޭސި ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހަރަކާތްތެރި ކޮށް ސިޔާސީ ކަންކަމުގައި އުޅުނެވެ. އަދި، 1903 އިން ފެށިގެން، 1909 އަށް، އިނގިރޭސި އަރމީ ތެރޭގައި ޚިދުމަތް ކުރިއެވެ. އަދި ހައިމް ވައިޒްމަން އާގުޅި ވަރުގަދަ ގާތްކަމެއް އުފެދުނެވެ.


ފަލަސްތީނުބިމުގައި ތަލްއަވީވު އުދެއްދުން:


އަދި ޔަހޫދީ ޒައޮނިޒަމް ހަރަކާތުގައި މަސައްކަތްކޮށް، ފަލަސްޠީން ބިމުން އަމިއްލަ މިނިވަން ވަޒަނެއް ހޯދުމުގެ ހަރަކާތުގެ އެންމެމަތީ ފަޑިއަށް ވާޞިލްވިއެވެ. އެގޮތުން، 1909 ވަނަ އަހަރު އެޕްރީލްމަހު ތެރޭގައި، ސަހްޔޫނީ ޔަހޫދީންގެ، 66 އާއިލާއެއްގެ މީހުން ގޮވައިގެން ފަލަސްތީނުގެ ޖާފާސިޓީއަށް ދަތުރެއް ކުރެއްވިއެވެ. އެއީ 12 އޭކަރުގެ ބިމެއްގަނެ އެ އާއިލާތައް ތަލްއަވީވް ކިޔާ ފެންހެދިފައި އޮތް ހިސާބަކުން ގަނެދީ ގެދޮރު އިމާރާތްކޮށްދީ ވަޒަންވެރި ކުރެއްވުމަށް ކުރެއްވި ދަތުރެވެ.


މިކަން ކުރެއްވި ގޮތަކީ، ޔަހޫދިންގެ ގެދޮރުބިނާ ކުރާ އަލަށް އުފެދުނު ބޮޑު ބިލްޑިންގް ކޯޕަރޭޓިވެއް 'އަހުޒަތު ބައިތް" ނަމުގައި އުފައްދަވައިގެ ންނެވެ.


ވެއިސް މެދުގައި އޭނާގެ އަހުޒަތްބައިތް ކުންފުނިގެ ބައިވެރިން
ވެއިސް މެދުގައި އޭނާގެ އަހުޒަތްބައިތް ކުންފުނިގެ ބައިވެރިން

އަދި އެކުންފުނީގެ ޕުރެޒިޑެންޓުކަން ސަހުޔޫނީ މުހައްރިކެއް، އަދި އާކިޓެކްޓެއް ކަމުގައިވާ އަކިވާ އޭރިޔެ ވެއިސް Akiva Aryeh Weiss (1868 - 1947) އަށްދީ ހުރިހާކަމެއް ހަމަޖައްސައި އޭނާ ލައްވާ އެބިން ޕުލޭންކޮށް، އެ އާއިލާތަކަށް ބޭނުންވާ ގެދޮރާއި އަސާސީ ތަންތަން، ކުޑަސިޓިއެއް ގޮތަށް ޕުލޭންކުރުވާއި އެއާއިލާތަކުގެ މެދުގައި ގުރުއަތުލައިގެން ވަރަށް އިންސާފުވެރިކޮށް އެ، 66 އާއިލާއަށް ހިލޭ ބަހާލާ ގޮތަށެވެ.


ރޮތްސްޗައިލްޑް ހުންނަވައިގެން ކުންފުނީގެ ވެރިޔާ ވެއިސް ލައްވާ އައްސޭރިފަށުން ގުރުއަތަށް ބޭނުންވާ ވަރަށް ހުދާއި މުށިކުލައިން ބޮލިތަކެއް ހޮވައިގެން ގެނެސް، ހުދުބޮލި ތަކުގައި އާއިލާގެ ނަންތައް ލިޔެ، އަދި މުށިބޮލި ތަކުގައި ގޯތި ޕުލޮޓުތަކުގެ ނަންބަރުުތައް ޖަހާއި ދެފޮއްޓަކަށް ވަކިވަކިން ދެކުލައިގެ ބޮލިތައް އެޅުމަށް ފަހު ކުޑަކުދިން ލައްވާ ކޮންމެ ފަހަރަކު ދެފޮށިން ދެބޮލިނަގުވާ ދެބިލީގައި ހުރި ނަންތަކާއި ނަންބަރުތައް ނޯޓު ކުރުވައި ގެންނެވެ.


މިކަން ވެގެން ދިޔައީ ވަރަށް އިންސާފުވެރި ގޮތަކަށް ނިމިގެންދިޔަ ކުލަގަދަ ކަމަކަށެވެ. އިނގިރޭސި ސަރުކާރުން ރޮތްސްޗައިލްޑަށް ތައުރީފު ހައްގުވެގެން ދިޔަ އަމަލަކަށެވެ. ދެން ފަހެ، އިޖުތިމާއީ ޚިދުމަތުގެ މިހަރަކާތްތަކާ ގުޅިގެން އިނގިރޭސި ދައުލަތުގެ އެންމެ އިސްފަންތީގެ ލޯރޑް އަކަށް ވިއެވެ. އަދި މިހަރަކާތް ވެގެން ދިޔައީ ރަސްމީކޮށް ތަލްއަވީވުގައި ދިރިއުޅުމުގެ ބިންގާ ބެހެއްޓުމުގެ ރަސްމިއްޔާތަށެވެ. އިސްރާއީލުގައި ވަޒަންވެރިވުމުގެ ބިންގަލަށެވެ. މައުލޫމާތު ނެގީ އިންޓަރއެކްޓިވް އިންސައިކްލޯޕީޑިއާ އޮފް ދަ ޕަލަސްޓައިން ކްއިސްޓަން އިންނެވެ. ފޮޓޯ ތަލްއަވީވު-ފައުންޑިން އިންނެވެ!


ތަލްއަވީވުގައި ފުރަތަމައިން އަލަށް ވަޒަންވެރި ކުރުވި 66 އާއިލާ އެބިމުގައި
ތަލްއަވީވުގައި ފުރަތަމައިން އަލަށް ވަޒަންވެރި ކުރުވި 66 އާއިލާ އެބިމުގައި

އާދެ! މިހުރިހާ ކަންކަމާ ގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ބަލްފޯރ، ވޯލްޓަރ ރޮތްސްޗައިލްޑް އަށް، ބަލްފޯރ ވަޢްދުގެ މެސެޖްސިޓީ ފޮނުއްވީ، 2 ނޮވެންބަރ 1917 ގައެވެ. ވޯލްޓަރ ރޮތްސްޗައިލްޑް އަށް އިނގިރޭސި ޝާހީ ދަރުބާރުގެ މަތީ ލަޤަބެއްގެ ގޮތުގައި “ބަރޮން ރޮތްސްޗައިލްޑް” ގެނަމުން ނަން އެރުވުނެވެ. މިއީ ދެވަނަ ބަރޮން ރޮތްސްޗައިލްޑްއެވެ.


އާދެ! ވޯލްޓަރ ރޮތްސްޗައިލްޑްގެ ބައްޕައަކީ، ވަރަށް ފައިސާވެރި އެކެވެ. އަދި އިންޓަރނޭޝަނަލް ރޮތްޗައިލްޑް ފައިނޭންސިއަލް ދަރިކޮޅު މީހުންގެ ތެރެއިން އިނގިރޭސި ޝާހީޢާއިލާގެ ފަރާތުން ޔަހޫދީންނަށް އަރުވާ، އެންމެމަތީ ދަރަޖަ ލިބިގެން އިނގިރޭސި ވިލާތުގައި ދިރިއުޅެން ފެށި، ފުރަތަމަ ޔަހޫދީ ފަރާތެވެ. އެއީ ފުރަތަމަ ބަރޮން ރޮތްސްޗައިލްޑް ލަޤަބް އެރުވުނު ބޭފުޅާއެވެ. ނަމަކީ، ލޯރޑް ނަތަން މޭޔަރ ރޮތްސްޗައިލްޑް (8 NOV 1840 – 31 MAR 1915) އެވެ. ވޯލްޓަރ ރޮތްސްޗައިލްޑް އަކީ، މީނާގެ ތިން ދަރީންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.


ފަހެ، މިއީ ޔަހޫދީ ދަރިފަސްކޮޅުގެ ވަރަށް ވަރުގަދަ ޢާއިލާ އެކެވެ. 1577 އިން ފެށިގެން، މަޝްހޫރުކަން މަތީގައި ދެމިގެން އަންނަ މުޅި ދުނިޔެއަށް މަޝްހޫރު ރޮތްސްޗައިލްޑް ދަރިކޮޅެވެ. ރޮތްސްޗައިލްޑް ޢާއިލާ އެވެ.


މިޢާއިލާ އިން، 1777 ގައި އިނގިރޭސި ވިލާތުގައި ބޭންކް ވިޔަފާރި ފެށުމުން މަޝްހޫރު ވެގެން ގޮސްފައި ވަނީ، މުދަލާއި ފައިސާވެރި ބޭންކް ތަކުގެ އަހްލުވެރި ބައެއްގެ ގޮތުގައެވެ. ނުފޫޒާއި ބާރުވެރި ކަމުގެ ގަދަފަދަ ޔަހޫދީ ދަރިކޮޅެއްގެ ގޮތުގައެވެ. މިފެމެލީ އަކީ، މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބޭންކިންގ ފެމެލީއެއްގެ ލަޤަބް ލިބިފައިވާ ބައެކެވެ.


ހަރުކަށި ޔަހޫދީންގެ މިޢާއިލާގެ ގިނަ މީހުންނަކީ، ޒައޮނިޒަމް އަށް ތާއީދުކޮށް، ޒައޮނިސްޓް ޖުއިޝް ދައުލަތެއް ފަލަސްޠީން ގައި ވުޖޫދަށް ގެންނަން ބޭނުންވާ ބޮޑެތި ޒައޮނިސްޓުން ނެވެ. ޔަހޫދީ ޘަޤާފަތުގައި ޒައޮނިސްޓުން ނަކީ، ފަލަސްޠީން ބިމުން ޔަހޫދީންނަށް ދާއިމީ، މިނިވަން ވަޠޮނީ ބިމެއް ލިބިގަތުމަށް ހިންގުނު ޤައުމީ ހަރަކާތުގައި އުޅޭ ހަރުކަށި ޔަހޫދީންނެވެ.


އާދެ! މިޢާއިލާއިން ވަޑައިގެން ހުންނެވި، ވޯލްޓަރ ރޮތްސްޗައިލްޑް އަކީ، އިނގިރޭސި ޒައޮނިސްޓުންގެ ފެޑަރޭޝަންގެ ޒަޢީމެވެ. އިސްވެރިޔާއެވެ. އިނގިރޭސި ސަރުކާރާ އެކު، ބަލްފޯރ ވަޢްދު ކަށަވަރުކޮށް ހަދާއި ސޮއި ކުރުމުގެ ބޭނުމަކީ، ފަލަސްޠީނު ބިމުން، ޔަހޫދީ ސަހުޔޫނީންނަށް ހޯމްލޭންޑެއް، ކަނލާގެ ވައުދުފުޅުގައި ވާގޮތަށް އަނެއްރާއްޖެއެއް މިލްކުކޮށް ހޯދާއި ލިބިގަތުމެވެ. ބަލްފޯރ އެއްބަސް ވުމަކީ، ފަލަސްޠީން ގައި ޔަހޫދި ދައްލަތެއްގެ ބިންގާ އެޅުމެވެ. ޒައޮނިސްޓް ފެޑަރޭޝަން އިނގިރޭސި ވިލާތުގައި ވުޖޫދަށް ގެނެވުނީ، 1899 ގައެވެ.


ދެން މިހަރަކާތް ގަދަވަމުން، ބިޔަވަމުން އައިސް ބޮޑު ހަނގުރާމައިގެ ދުވަސްވަރު، މިފެޑަރޭޝަންގެ ދަށުގައި ޔަހޫދީ އެކިއެކި ތަފާތު، 120 ޖަމްޢިއްޔާ ވަނީ ބައިވެރި ވެފައެވެ. ފަންސާސް ހާސް މެމްބަރުން ނަށް ވުރެ ގިނަމެމްބަރުން އޭރު ރަޖިސްޓްރީގައި ތިއްބެވެ. ވޯލްޓަރ އަކީ، ކުރިން ދެންނެވުނު ހެން، ކޮންޒަވޭޓިވް ޕާޓީން، 1899 އިން ފެށިގެން، 1910 އަށް، އިނގިރޭސި ޕާލަމެންޓްގައި އިންނެވި ލޯރޑް އެކެވެ. ވޯލްޓަރ ރޮތްސްޗައިލްޑް އަށް ފަހު، ޒައޮނިސްޓް ފެޑަރޭޝަންގެ އިސް ވެރިއަކަށްވީ، ރަޝިޔާއިން އިނގިރޭސި ވިލާތަށް ހިޖުރަކޮށް އައިސް ހުރި، އިނގިރޭސި މުހާޖިރެއް ކަމުގައިވާ، ހައިމް ވައިޒްމަން އެވެ.މިއީ އެންމެ ފައްކާ ސަހުޔޫނީއެކެވެ!


ވޯލްޓަރ ރޮތްސްޗައިލްޑް އާއިލާއައި ވަރަށް ގާތްމީހެކެވެ. އަދި ހަމަ އެހެންމެ، 1903 ގައި އެންމެ ގަދަޔަށް ވާހަކަ ދެކެވެމުން ދިޔަ، އީސްޓް އެފްރިކާގެ ޔޫގެންޑާއިން ޔަހޫދީން ވަޒަންވެރި ވުމަށް ބިމެއް ހޯދުމުގެ ވިސްނުން މުޅިން ދޫކޮއްލައި، ފަލަސްޠީން އިން ޔަހޫދީ ޒައޮނިސްޓުން ނަށް ޤައްމީ ވަންތަ އަމިއްލަ ވަޠޮނީ ބިމެއް ހޯދުމަށް އެންމެ ގަދަޔަށް ބާރުއަޅާއި މަސައްކަތްކުރި މީހަކީ، ވައިޒްމަން އެވެ. ފަހުން ވައިޒްމަން އާ ބެހޭ ވާހަކަ ގެނެސްދޭ ނަމެވެ. إن شاء الله!  ދެން، ގެނެސް ދޭނީ، ޒައޮނިޒަމް، ސަހުޔޫނިއްޔަތާ އާބެހޭ ވާހަކަ ކޮޅެކެވެ.


ޒައޮނިޒަމް:


ޒައޮނިޒަމް، ސަހްޔޫނިއްޔަތް އަކީ، އިސްތިޢުމާރީ ޚުރާފީ ފިކްރެކެވެ. ޒައޮނިޒަމްގެ ފިކުރާއި ވިސްނުން ދުނިޔެއަށް އެންމެ ފުރަތަމަ އުފަންކުރީ، ޑޮކްޓަރ ނަތަން ބަރނަރ އެވެ. އަސްލުނަމަކީ، ނަތަން ބަރންބިޔަމް (1864 - 1937 NATHAN, BIRNBAUM) އެވެ.


ނަތަން ބަރންބިޔަމް
ނަތަން ބަރންބިޔަމް

މީނާ އުފަންވީ، އިރުމަތީޔޫރަޕުގެ ޔަހޫދީއާއިލާ އަކުން ވިއެންނާގައެވެ. ވިއެއްނާ އަކީ، އޮސްޓްރިއާގެ ވެރިރަށެވެ. ބޮޑުވެގެން އައީ އެޒަމާނުގައި އެސަރަޙައްދު ގައި އަށަގެންފައިވާ ޠަބީޢީފިކްރު ތަކުގެ މައްޗަށެވެ. ރޫޙާނީ އެއްވެސް ކަންފުޅެއް ނެތް، މާއްދިއްޔަތުގެ މަތީގައެވެ. ޑޮކްޓަރ ނަތަން އަކީ، އޮސްޓްރިއާގެ ނޫސް ވެރިއެކެވެ.


ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ ވިސްނުމުގެ ބޭފުޅެކެވެ. ވިއެއްނާ ޔުނިވަރސިޓީން، 1882 އިން ފެށިގެން، 1886 އަށް، ލޯކިޔެވުމުގެ ތެރޭގައި، 1883 ވަނަ އަހަރުގައި ޢުމުރުން އެންމެ، 19 އަހަރުގައި ޔަހޫދީ ޒައޮނިސްޓް ފިކްރުގެ ކިޔަވާ ކުދިންގެ ޖަމްޢިއްޔާ، ކަޑިމާ (STUDENT ASSOCIATION – KADIMAH) އުފެއްދި އެވެ. މިއީ ދުނިޔޭގައި އުފެދުނު ފުރަތަމަ ޔަހޫދީ ޒައޮނިސްޓް ޚިޔާލުގެ ކިޔަވާ ކުދިންގެ ޖަމްޢިއްޔާ އެވެ. ފަހެ، ކަޑިމާ އަކީ، ޒައޮނިސްޓް ފިކްރުގެ ފެށުމެވެ. އަދި ދުނިޔޭގައި ޒައޮނިޒަމްގެ ފެށުމެވެ.


އާދެ! ޒައޮނިޒަމް މިނަން އުފެދިފައި ވަނީ، ހީބްރޫބަހެއް ކަމުގައިވާ. ޒިއޮން (ZION) ޞަހްޔޫން މިބަހަށް ނިސްބަތް ކޮށެވެ. ޒިއޮންއޭ ބުނެވިއްޖެ ނަމަ، އެބަސް އެ ނިސްބަތް ވަނީ، އަދި ރަމްޒުކޮށް ދެނީ، ޖެރޫސަލަމް އަށެވެ. ފަހެ، ޒިއޮން މިބަހުގެ އަޞްލަކީ، ހީބްރޫބަހުން، TSION, TZION, SION  މިބަސް ތަކަށެވެ. މިއީ ޖެރޫސަލަމް އަށް، ނިސްބަތް ކުރާ ޙަޤީޤީ ތަނެވެ. ޒަމާންވީ ޤަދީމީ ފަރުބަދަ އެކެވެ. ހީބްރޫ ބަހަކީ، އަޞްލު ޔަހޫދީންގެ ބަސް ކަމުގައިވާ ޢަބްރާނީ ބަހެވެ. ޒިއޮން މިބަސް އެންމެ ފުރަތަމަ ބޭނުންކުރެވި ފައިވަނީ، މޫސާ ޢަލައިހިއްސަލާމް ގެ މައްޗަށް ބާއްވާލެއްވި، ތައުރާތް ގައެވެ.


ތައުރާތުގެ ސެމްޔޫލް ފޮތުގެ ފަސްވަނަ ސޫރަތުގެ ހަތްވަނަ އާޔަތުގަ އެވެ. އަޞްލު ޔަހޫދީންގެ އޯލްޑް ޓެސްޓްމަންޓް ގައި، މިހާރުވެސް މިފޮތް އޮވެއެވެ. ޔަހޫދީންގެ އޯލްޑް ޓެސްޓްމަންޓް އެކުލެވިގެން ވަނީ، ސެމްޔޫލް ފޮތާއެކު، 4 ފޮތުގެ މައްޗަށެވެ. އާންމުކޮށް މިބަސް، ނިތްބަތް ކުރެވެނީ ފަލަސްޠީނުގައި ހުންނަ ޤަދީމީ ފަރުބަދަ އަކަށެވެ. ޖަބަލުއްޞަހްޔޫން އަށެވެ. ޞަހްޔޫން ފަރުބަދަ އަށެވެ. މައުންޓް ޒިއޮން އަށެވެ. މިއީ އޭރު އޯލްޑްސިޓީގެ ބޮޑު ފާރުންބޭރުގައި ހުންނަ ފަރުބަދަ އެކެވެ.


ޔަހޫދީ ތާރީޚް ބުނާގޮތުން މައުންޓް ޒިއޮން އަކީ، ޓެންޕަލް މައުންޓް އެވެ. އެއީ މިހާރު ޙަރަމްޝަރީފް ކަމުގައިވާ، ޤުދުސް އައި ގުޅުފައިވާ ހިސާބެވެ. މިހާރުގެ ޤުދުސް ސިޓީއެވެ. ފަލަސްޠީނުގެ އެންމެމާތް ބިމެވެ. މަސްޖިދުލް އަޤްޞާ ހުންނަ ބިމެވެ. މުސްލިމުންގެ މާތް ވެގެންވާ ޙަރަމް ފުޅެކެވެ.


ޔަހޫދީން ދެކޭ ގޮތުގައި މާތް ވެގެންވާ ޤުދުސް ބިމަކީ، ދާއޫދުގެފާނުގެ ބިމެކެވެ. ޤުދުސް އަކީ ދާއޫދުގެފާނުގެ ރަށެވެ. މުސްލިމުންގެ ޢަޤީދާއަކީ ވެސް ފަލަސްޠީން އަކީ، މުސްލިމުންގެ ބިމެވެ. ޔަހޫދީންނާއި ކްރިސްޓިއަނުން ނާއި ރޯމަނުން ނާއި އަދި މުސްލިމުންގެ ވެސް ބިމެވެ. ޒައޮނިސްޓުން ނޭ މިކިޔާ ޚުރާފީންގެ ބިމެއް ނޫނެވެ.


އިސްތިޢުމާރީންގެ ބިމެއް ވެސް ނޫނެވެ. އެހެނަސް ޒައޮނިޒަމްގެ ވިސްނުމުގައި މި ބިމަކީ، އެމީހުންގެ އަމިއްލަ، މިނިވަން ވަޒަނެއް އުފެއްދުމަށް، ކަނޑައެޅިފައި އޮތް މާތްވެގެންވާ ބިމެވެ. ޑޮކްޓަރ ނަތަންގެ ދުވަސްވަރުން ފެށިގެން މިފިކްރު ދިރި ދެމި، އުތުރި އަރާއި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ ކަޑިމާ އެއް އުފެދި، އިރުމަތީ ޔޫރަޕްގައި ކިޔަވަމުން ގެންދިޔަ ޒުވާނުން އެދުވަސް ވަރުން ފެށިގެން މިފިކްރު ދެމިގެން އައިސްފައި ވެއެވެ.


މީގެތެރެއިން މުހައްރިކުން ގޮތުގައި ގްރާސްރޫޓް ގްރޫޕް ތަކެއް އުފެދި، ޒައޮނިސްޓުން ނަށް އަމިއްލަ ވަޒަނެއް ފަލަސްޠީނު ގައި ބިނާ ކުރުމުގެ ރޫޙްއެއް އުފެދި، އެފިކްރާއި ވިސްނުން ޕްރޮމޯޓް ކުރަން ފެށުނެވެ. މިގްރޫޕް ތަކަށް ދެވިފައިވާ ނަމަކީ، “ލަވަރސް އޮފް ޒިއޮން” އެވެ. މިޓަރމް ފުރަތަމަ ފަހަރަށް ބޭނުންކުރީ، ކަޑިމާ އަށް ނިސްބަތްކޮށެވެ.


އެދުވަސް ވަރަކީ ރޭސިޒަމް އާއި އިންސާނީ ތަފާތުކުރުން އުތުރި އަރައިގެން އައި ދުވަސް ވަރެވެ. އެބަޔަކު ނިސްބަތްވާ، ވަޒަނަށް ނުސީދާކޮށް އަމާޒުކޮށެވެ. ނަސްލީ ތަފާތުތައް ކުރުމުގެ ފިކްރު އިރުމަތީ ޔޫރަޕްގައި ގަދައަށް ފެތުރެމުން އައި ދުވަސްވަރެވެ. އާރިއަނުން އެމީހުންގެ އަމިއްލަ ފިކްރެއް އުފެއްދި އެވެ. ޢަމޫރީން އެމީހުންގެ ފިކްރެއް އުފެއްދި އެވެ. އަދި ނާޒީން ވެސް މިޢަޤީދާއަށް ތަބާވެ ނާޒީންގެ ފިކްރު ވުޖޫދަށް ގެނެސް ޚުރާފީ މަޖްހަބެއް އުފެއްދީ އެވެ.


ތިއޮޑޯރ ހެޓްޒަލް
ތިއޮޑޯރ ހެޓްޒަލް

އާދެ! ޒަމާނީ ޒައޮނިޒަމްގެ ސްޕޯކް ޕާސަން އަކީ، އަދި ފައުންޑަރަކީ، ތިއޮޑޯރ ހެޓްޒަލް (THEODOR HERZL, 2 MAY 1860 – 3 JUL 1904) އެވެ. ތިއޮޑޯރ ހެޓްޒަލްގެ ފިކްރު އަކީ ވެސް، ޑޮކްޓަރ ނަތަންގެ މި ޚުރާފީ ފިކްރުއެވެ. ތިއޮޑޯރ ހެޓްޒަލް އަކީ، ޒައޮނިޒަމްގެ ފިކްރު އާންމުކޮށް ލިޔުންތަކަށް ގެނެސްދިން ބާނީއެވެ. 


ތިއޮޑޯރ ހެޓްޒަލްގެ ފިކުރަކީ، ވެސް ޒައޮނިސްޓް ޔަހޫދީންނަށް އަމިއްލަ މިނިވަން ބިމެއް ފަލަސްޠީނުން އުފެއްދުމެވެ. އަދި އެބިމުގައި އިސްރާއީލީ ދައުލަތެއް ވުޖޫދަށް ގެނައުމެވެ. ޒައޮނިޒަމް އުފެދި ވަރުގަދަ ވެގެން އައި އިރު، ފަލަސްޠީން އޮތީ، ޢުޘްމާނީ ޚިލާފަތްގެ ދަށުގައެވެ.


މުސްލިމުން ޒަމާނުއްސުރެ، ވެރިކަން ކުރަމުން ދިޔަ ތަނެއްގެ ގޮތުގައެވެ. ހެޓްޒަލް އަކީ ވެސް ނަތަން ފަދައިން، އޮސްޓްރޯ ހަންގޭރިއަން ނޫސް ވެރިއެކެވެ. އިސްރާއިލީ ދައުލަތުގެ ފިކްރު ލިޔުމަށް ގެނެސް ދިނީ މީނާއެވެ. “ދަ ޖުއިޝް ސްޓޭޓް” މިނަމުގައި މީނާ ފޮތެއް ލިޔުނެވެ. މިފޮތް ލިޔުނީ، 1890 ގެ އަހަރު ތަކުގައެވެ. ޕަބްލިޝް ކުރީ، 14 ފެބްރުއަރީ 1896 ގައެވެ.


ހެޓްޒަލް އަކީ، ސިޔާސީ ހަރަކާތް ތެރިއެކެވެ. ލިޔުންތެރި އެކެވެ. އިލްމީ އެކަޑަމިކް މީހެކެވެ. ޒަމާނީ ޒައޮނިޒަމްގެ ބައްޕައެއް ކަމުގައި އަމިއްލައަށާ، އަދި އެހެންމީހުން ވެސް ޤަބޫލްކުރާ މީހާއެވެ. އަދި ހެޓްޒަލް އަކީ، ފައުންޑަރ އޮފް ދަ އިސްރާއީލީ ސްޓޭޓް އެވެ. ފަހެ، އިސްރާއީލީ ދައުލަތުގެ ބާނީއާއި ބައްޕައެވެ. ސަހުޔޫނިއްޔަތުގެ ވެސް ބާނީ އާއި ބައްޕައެވެ.


އާދެ! ތިއޮޑޯރ ހެޓްޒަލްގެ ފިކްރު ބޮޑު ހަރަކާތަކަށްވެ، 1897 ގައި، ސްވިޓްޒަލޭންޑް ބާސިލް ގައި ފުރަތަމަ ޒައޮނިސްޓް ކޮންގްރެސް އެއް ބޭއްވުނެވެ. މިކޮންފަރެންސްގައި، 208 ބައިވެރިން، 69 ގައުމަކުން ބައިވެރިވިއެވެ. މުޅިން ވެސް ތިއްބެވީ އެގައުމުތަކުގެ ސަހްޔޫނީ މުޖްތަމައު ތަމްސީލު ކުރާ މަންދޫބުންވެ. މިކޮންގްރެސް އިން ދުނިޔޭގެ ޒައޮނިސްޓް ޖަމްޢިއްޔާ (WORLD ZIONIST ORGANIZATION) ޑަބްލިއޫ. ޒެޑް. އޯ އުފައްދައި މުޅި ދުނިޔޭގައި މިހަރަކާތް ޢަމަލީ ގޮތުން ފެށީއެވެ.


އެންމެ ވަރުގަދަކޮށް މިހަރަކާތް އޮތީ، އިނގިރޭސި ވިލާތުގައެވެ. ފަލަސްޠީނުގައި ޒައޮނިސްޓުން ނަށް އަމިއްލަ މިނިވަން ވަޒަނެއްގެ ގޮތުގައި ބިމެއް މިލްކުކުރުމުގެ މަސައްކަތް ވަރަށް ރޭވިގެން، އިނގިރޭސި ވިލާތުގައި ބާރަށް ހިނގައި ގަތެވެ. އިނގިރޭސި ވިލާތުގައި ވެސް، ޔަހޫދި ޒައޮނިސްޓް ޖަމްޢިއްޔާއެއް ވުޖޫދަށް ގެނެވުނެވެ. އަދި މިޖަމްޢިއްޔާގެ ވެރިއަކަށް، ވޯލްޓަރ ރޮތްސްޗައިލްޑް އިސްކުރެ ވުނެވެ.


އަދި ބަލްފޯރ އެގްރީމަންޓް ވަޢްދު އިނގިރޭސި ޚާރިޖިއްޔާއިން، މިޖަމްޢިއްޔާގެ ވެރިޔާ، ރޮތްސްޗައިލްޑް އާއެކު ހެދީއެވެ. ފަހެ، އެހިސާބުން ތިއޮޑޯރ ހެޓްޒަލްގެ މަސައްކަތް ޙަޤީޤަތަކަށް ވެގެން ދިޔައީއެވެ. ޒައޮނިސްޓް ހަރަކާތަށް ފުރަތަމަ ފަހަރަށް ދިދައެއް ފަރުމާކޮށް ދިނީ، ތިއޮޑޯރ ހެޓްޒަލް އެވެ. އެއީ ދާއޫދު ގެފާނުގެ ކާލިގަނޑު ކަމުގައި ބުނެވޭ، 6 ކަންލީތަރީގެ، 6 ކަނަށް ވާގޮތަށް، 6 ނުކުތާ ޖެހި، ހުދު ފޮތިގަނޑެ ކެވެ.


ޒައޮނިޒަމްގެ ވައްތަރުތައް މިއަދާ ހަމައަށް، 5 ބަޔަކަށް ބެހިފައި ވެއެވެ.


އެއީ ޖެނެރަލް ޒައޮނިޒަމް (GENERAL ZIONISM) އާއި ރެލިޖަސް ޒައޮނިޒަމް (RELIGIOUS ZIONISM) އާއި ލޭބަރ ޒައޮނިޒަމް (LABOR ZIONISM) އާއި ރެވިސަނިސްޓް ޒައޮނިޒަމް (REVISIONIST ZIONISM) އާއި ގްރީން ޒައޮނިޒަމް (GREEN ZIONISM) ފަދަ އެއްފިކުރެއްގެ އެކިބާވަތުގެ ޖަމާޢަތްތަކެވެ.  


ޒައޮނިޒަމްގެ ގޮފިތަކެވެ. މިހުރިހާ ޒައޮނިސްޓުން ޤަބޫލްކުރާ ގޮތުގައި ލޭންޑް އޮފް އިސްރާއީލް އަކީ، ލޭންޑް އޮފް ކަންޢާން (LAND OF CANAAN) އެވެ. އަދި ކަންޢާން އަކީ އެމީހުންގެ ހައްޤު އިސްރާއީލީ ބިމެވެ. އެހެނަސް ކަންޢާނީންނަކީ، ފަލަސްޠީނުގެ އަޞްލު އަހުލްވެރިން ކަމުގައިވާ، މުސްލިމުން ނެވެ.


ކަންޢާން ބިމަކީ، އެ މުސްލިމުންގެ މިލްކުބިމެވެ. މުޅިއެބިމަކީ، ފަލަސްޠީން އެވެ. ފަލަސްޠީން އަކީ، މުސްލިމުންގެ ހައްޤު ބިމެކެވެ. ޒައޮނިސްޓް ޔަހޫދީންނަކީ، ގަދަކަމުން ފަލަސްޠީންގެ ބިމަށް އަރައިތިބި ބައެކެވެ. ފަހެ، އެއީ މުސްލިމުންގެ އަތުން ގަދަކަމުން ފޭރިގެންފައި ވާބިމެކެވެ.


އާދެ! ޒައޮނިޒަމް އަކީ، ޢަރަބި ބަހުން، ޞަހްޔޫނިއްޔަތް އެވެ. (الصهيونية) އެވެ. ދިވެހިން ކިޔާ އުޅެނީ ސަހްޔޫނީންނެވެ. ފަހެ، ޒައޮނިޒަމް އަކީ، އިލާހީ އަސާސެއް ނެތް މަސްނޫއީ، ދީނީ، ޚުރާފީ މަޛްހަބް ތަކުގެ ތެރެއިން، އިންސާނިއްޔަތް އަށް އެންމެ ނުރައްކާތެރި އިސްތިޢުމާރީ މަޛްހަބް އެވެ.


މަޤްޞަދަކީ، މުޅި ދުނިޔެއަށް ވެރިވެ ދުނިޔޭގެ އެންމެމަތީ ބާރަށް ވުމެވެ. ހާރޫތާއި މާރޫތުގެ މައްޗަށް ބާއްވާލެއްވި ސިހުރުގެ ފިލާވަޅިތަކުން ބައިތަކެއް ކާލާޖާދޫ ހަދާއި ޝައިތޯނީ ބާރު ލިބިގަނެގެން ސިއްރުން ޑީޕް-ސްޓޭޓެއް، ސިއްރުދައުލަތެއް ދިޔޭގައި ހިންގާ ބާރެވެ. ބޭނުމަކީ މަސީހުއްދައްޖާލު ގެނެސް ބޮޑު އިސްރާއީލެއް އުފެއްދުމެވެ.


ޙަޤީޤަތުގައި ދުނިޔޭގައި ހިނގަމުންދާ ބޮޑު ހަނގުރާމަ އަކީ، ޒައޮނިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުން މިއަންނަ ދުވަސްވީ، ޤަދީމީ ހަނގުރާމަ އެވެ. ޝައިތޯނީ ނެގެޓިވް ބާރާއި ރޫހާނީ އީޖާބީ ބާރާ ދެމެދުގެ ވަރުގަދަ ހަނގުރާމައެވެ. މިއީ ޤިޔާމަތާ ހަމައަށް ދެމިގެންދާނެ ހަނގުރާމަ އެކެވެ.


ޒައޮނިސްޓް އަދި ޞަހްޔޫނީ ސިއްރު ޖަމާޢަތްތައް ދުނިޔޭގެ އެތަން މިތާގައި ހަރަކާތްތެރި ވަމުން ދެއެވެ. މާސޫނީ ޖަމާޢަތްތަކާއި ބަހާއީ ޖަމާޢަތްތަކާއި ޤާދިޔާނީ ޖަމާޢަތްތަކާއި ރޯޓަރީ ކްލަބް ތަކާއި އެކިނަންނަމުގެ ނާދީތަކަކީ، މިހާރު މިހަރަކާތުގެ ގޮފިތަކެވެ. ދިވެހި ރާއްޖޭގައި ވެސް އެކިނަންނަމުގައި މީގެ ޖަމާޢަތްތައް މިހާރު ވަނީ އުފެދި ހަރަކާތްތެރި ވާން ފަށާފައެވެ.


އަދި ސީދާ ރޯޓަރީ ކްލަބްގެ ނަމުގައި ވެސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުން އެބަދެއެވެ. މިވާހަކަތައް މިހާ ތަފްޞީލްކޮށް މިގެނެސް ދެނީ، ދިވެހި ސައްތައިން ސައްތަ އިސްލާމީ ކިޔަވާ ކުދިންގެ ސަމާލުކަމަށް ގެނެސް ދިނުމަށެވެ.


ޖޭމްސް ބަލްފޯރު:


ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސި ވިލާތުގައި ފޮރިން ސެކްރެޓަރީ އަކަށް ހުންނެވީ، ޖޭމްސް ބަލްފޯރ (ARTHUR JAMES BALFOUR, 25 JUK 1848 – 19 MAR 1930) އެވެ. ޖޭމްސް ބަލްފޯރ އަކީ، އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ ވަރުގަދަ ސިޔާސީ ލީޑަރެކެވެ. 1902 އިން ފެށިގެން، 1905 އަށް، އިނގިރޭސި ވިލާތުގެ ޕްރައި މިނިސްޓަރ ކަން ކުރެއްވި ހަރުދަނާ، ސިޔާސީ މާހިރެކެވެ.


ޖޭމްސް ބަލްފޯރ
ޖޭމްސް ބަލްފޯރ

އާދެ! ބަލްފޯރ ވަޢްދުއަކީ، ވޯލްޓަރ ރޮތްސްޗައިލްޑް އާއި ހައިމް ވައިޒްމަން ގެ ނުފޫޒާއި ބާރާ އެކު، ޖޭމް ބަލްފޯރ އިނގިރޭސި ޔަހޫދީ ޒައޮނިސްޓް ސޮސައިޓީ އަށް، ޒައޮނިސްޓުން ފަލަސްޠީން ގައި ރައްވެހިވާނެ ބިމެއް ހޯދައިދިނުމުގެ ގޮތުން، އެވަގުތު ޒައޮނިސްޓް ސޮސައިޓީގެ އިސް ވެރިޔާއަށް ހުންނެވި، ވޯލްޓަރ ރޮތްސްޗައިލްޑް އަށް ރަސްމީކޮށް ފޮނުވި، އެއްބަސްވުމުގެ ސިޓީއެވެ.


ފަހެ، މިސިޓީގައި ވަރަށް ސާފުކޮށް، ފަލަސްޠީން ބިމުން ޔަހޫދީ ޒައޮނިސްޓުން ނަށް ޤައުމީވަންތަ، ގެވެހިކަމުގެ އަމިއްލަ މިނިވަން ބިމެއް އުފައްދައި ދޭނެ ކަމުގެ މޭންޑޭޓް ކަށަވަރު ކޮށް ދީފައި ވެއެވެ. މިސިޓީ ވެގެން ދިޔައީ، ފަލަސްޠީން ގައި ޔަހޫދީ ޒައޮނިސްޓުން ނަށް ވަޒަންވެރި ވުމަށް، ފަލަސްޠީންގެ ބިމުން މުހިންމު ބައެއް މިލްކުކޮށް ދިނުމުގެ އެގްރީމަންޓް އަށެވެ.


ބަލްފޯރ ޑެކްލަރޭޝަންގެ ނަމުން މިވަޢްދު މަޝްހޫރު ވެގެން ދިޔައީ، އެއްބަސްވެވުނު ސިޓީގައި އިނގިރޭސި އެންޕަޔަރގެ ފަރާތުން، ސޮއިކުރެއްވި ފޮރިން ސެކްރެޓަރީ އަކީ، އަރްތޫރ ޖޭމްސް ބަލްފޯރ އަށް ވާތީ، އެބޭފުޅާގެ ފަހުނަމަށް ނިސްބަތް ކޮށެވެ. ވަރަށް ސާފު ބަހުން މިއެއްބަސް ވުމުގައި ފަލަސްޠީނުގެ ނަންގަނެ އެބިމުގައި ޔަހޫދީންނަށް ޤައުމީ ވަޒަނެއް ބިނާކޮށް ދޭނެ ކަމަށް ވަޢްދުވެފައި ވެއެވެ.


ބަލްފޯރ އެގްރީމަންޓް ގައި ސޮއި ކޮށްފައި ވަނީ، 2 ނޮވެންބަރ 1917 ގައެވެ. ރަސްމީކޮށް، އިނގިރޭސި ފޮރިން އޮފީހުގެ ނަމުގައެވެ.

އެޑްރެސް ކޮށްފައި ވަނީ، ޑިއަރ ލޯރޑް ރޮތްސްޗައިލްޑް އަށެވެ.


އޭގެ ހަފްތާއެއް ފަހުން، މިއެއްބަސް ވުމުގެ މަތަން، އަކުރުން އަކުރަށް، ނައްޞުއޮތް ގޮތަށް އިނގިރޭސި މީޑިއާއަށް ގަސްތުގައި އާންމުކޮއްލި އެވެ. އެއްގޮތަކަށް ވެސް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ. އިނގިރޭސި ވިލާތުގެ ޤައްމީ ދުވަހު ނޫހެއް ކަމުގައިވާ، ދަޓްއިމްސް ނޫހުގެ، 9 ނޮވެންބަރ 1917 ވަނަ ދުވަހުގެ ޢަދަދުގައި “ޕަލަސްޓައިން ފޯރ ދަ ޖޫސް” މިސުރުޚީގެ ދަށުން، މިވަޢްދުގެ ވާހަކަތައް ގެނެސްދިނެވެ، އަދި ރަސްމީ ސިފައެއްގައި އާންމުކޮށް އިޢްލާން ކުރެވުނެވެ.


ފަހެ، މިކަން އިނގިރޭސިން މިކުރީ، ދެވަނަ ވައްދުއާ ވަރަށް ތަފާތުކޮށެވެ. އިނގިރޭސިން ފަރަންސޭސިން ނާއި ރަޝިޔަނުންނާ އެކު ވީ ވަޢްދު ކަމުގައިވާ، ސައިކްސް ޕިކޮޓް އެއްބަސްވުން ގެންގުޅުނީ، ބޮޑު ސިއްރެއްގެ ގޮތުގައި ވަރަށް ސިއްރު ކޮށެވެ. ރަޝިޔާގެ އެތެރޭގައި ހިނގި އިންގިލާބަކަށް ފަހު، ރަޝިޔާއިން ފަޅާ އަރުވާލަންދެން، އެވަޢްދުއޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ.


އާދެ! ބަލްފޯރ ވަޢްދު ވެގެންދިޔައީ މުޅި ދުނިޔެއަށް ފާޅުގައި އިނގިރޭސިން، ޔަހޫދީ ޒައޮނިސްޓުން ނަށް ޤައްމީ ވަޠޮނެއް، އިސްލާމީ އުންމަތުގެ ފަލަސްޠީން ބިމުން، ހިބަކޮށް ދިނުމަށް ހިންގިވަރަށް އަނިޔާވެރި، ނޭއްގާނި މާސިންގާ އޮޅުވާ ލުމަކަށެވެ. ފާހަގަ ކުރެވުނީ، އިސްލާމީ އުންމަތާ މެދު ހިންގި ބިޔަ ވަރުގަދަ ޖަރީމާއެއްގެ ގޮތުގައެވެ.


އަދި ޢުޘްމާނީ ޚިލާފަތަށާއި މައްކާޝަރީފް ޙުސައިން ބިން ޢަލީ އަށާއި ހުރިހާ ޢަރަބިންނަށް، އިނގިރޭސިން ޖަހާލި ބޮޑު ގޮމަކަށެވެ. ރާވައިގެން ޤަޞްދުގައި އޮޅުވާލި މަކަރުވެރި ރޭވުމަކަށެވެ. އަދި އަދާ ހަމައަށް ވެސް، މުސްލިމުން ގެންދަނީ އެކަމާ އިންތިހާއަށް ހިތާމަ ކުރަމުންނެވެ.


ފަހެ، އިއްތިޙާދީންނަށް މިޚަބަރު ލިބުމާ އެކު، ޖަރުމަނު ގައި ވެސް ޔަހޫދީންގެ ރޫޙް އާލާވެ، ޔަހޫދީ ސޮސައިޓީއެއް ޖަރުމަނުގައި އުފެއްދިއެވެ. އަދި ތުރުކީގައި ހުންނެވި، ގްރޭންޑް ވަޒީރު ޠޮލްޢަތް ޕާޝާ، ވަގުތުން ސްޓޭޓްމަންޓެއް މިކަން ހާމަކޮށް، ނެރުނެވެ.


ފަލަސްޠީން ބިމުގައި ޔަހޫދީންގެ ހުރިހާ ޙައްޤުތަކަކާއި ހުރިހާ އެދުންތަކެއް ހިތްހަމަ ޖެހުމާ އެކު ފުއްދުމަށް ޓަކައި އިންސާފުވެރި ނަޒަރަކުން ބެލުމަށް، އެބަޔާނުގައި ގޮވާލެއްވި އެވެ. މިޕާޝާއަކީ، އިނގިރޭސިން ތުރުކީގައި އުފެއްދި ޔަންގް ޓަރކްސްގެ ލީޑަރއެވެ. ފަހެ، މިހާހިސާބުން މިވަޢްދު ދުނިޔޭގެ ހުރިހާ ތަންކޮޅެއް ގައި ތިބި، ޒައޮނިޒަމް ފިކްރުގެ ޔަހޫދީންގެ މުޤައްދަސް ޢަޒުމް އަކަށްވެ، ގަދައަށް ވައިގައި ހިފީއެވެ. ދެން ބަލާލާނީ، އިސްރާއީލްގެ ބާނީ، ހައިމްވައިޒްމަން އަށެވެ.


ހައިމް ވައިޒްމަން:


ހައިން ވައިޒްމަން (CHAIM AZRIEL WEIZMANN, 27 NOV 1874 – 9 NOV 1952) އަކީ، ރަޝިޔަން އެންޕަޔަރ ދަށުގައި ޕޯލެންޑް އޮތް ދުވަސްވަރު، އެރަށަށް އުފަންވި މީހެކެވެ. ބައްޕައަކީ، ލަކުޑި ވިޔަފާރި ވެރިއެކެވެ. ލިބުނު، 15 ދަރިންގެ ތެރެއިން ވައިޒްމަން އަކީ، 3 ވަނަ ދަރިފުޅެވެ. ޢުމުރުން، 11 އަހަރުގައި ހައިސްކޫލަ އަށް ވެއްދިއެވެ. ހައިސްކޫލްގެ ކުރިން ކިޔަވައިދިނީ، ރަށްވެހި އެލަމަންޓްރީ ސްކޫލެއް ގައި ޖުޑޭޒިއަމް އާއި ޢިބްރާނީ (ألعبرانية) ހީބްރޫ ބަހާއި އަމިއްލަ ޘަޤާފަތާއި ވައްޓަފާޅިއެވެ. 1892 ގައި ކެމިސްޓްރީ ކުޔެވުމަށް ޖަރުމަން ވިލާތުގެ ޑަރމްސްޓަރޑް ޕޮލިޓެކްނިކް އިންސްޓިޓިއުޓް އަށް ފޮނުވިއެވެ.


ވައިޒްމަން އިސްރާއީލުގެ ބާނީ، އަދި ފުރަތަމަ ރައީސް
ވައިޒްމަން އިސްރާއީލުގެ ބާނީ، އަދި ފުރަތަމަ ރައީސް

އަދި، 1894 ގައި ބާލިން އަށް ބަދަލުވެ، ޓެކްނިކަލް ޔުނިވަރސިޓީ އޮފް ބާލިންއަށް ދިޔައެވެ. ފަހުން، 1897 ގައި ސްވިޓްޒަލޭންޑަށް ބަދަލުވެ، ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ވިއެވެ. އަދި، 1899 ގައި، އޯގަނިކް ކެމިސްޓްރީން ޕީއެޗްޑީ ޙާޞިލް ކުރިއެވެ. އެއަށް ފަހު، ޖެނީވާ ޔުނިވަރސިޓީ ގައި އެސިސްޓަންޓް ލެކްޗަރަރ އަކަށް ޢައްޔަން ކުރެވުނެވެ. ދެން، 1910 ގައި، ވައިޒްމަން އިނގިރޭސި ރައްޔިތަކަށްވެ، 1948 ގައި އިސްރާއީލީ ދައުލަތް އުފެދެންދެން، އިނގިރޭސި ރައްޔިތެއްގެ ޝަރަފްގައި ދެމި ހުންނެވިއެވެ.


އާދެ! 1901 ވަނަ އަހަރުން ފެށިގެން ބާއްވަން ފެއްޓި، ޒައޮނިސްޓުންގެ ހުރިހާ ކޮންފަރެންސް ތަކަށާއި، ހުރިހާ އެއްވުން ތަކެއްގައި ވަރަށް އިސްރޯލެއް ވައިޒްމަން އަދާކުރެއްވި އެވެ. ދަތުރުފަތުރުގެ ސަބަބާހުރެ ހާޒިރު ނުވެވުނީ، 1897 ގައި ސްވިޓްޒަލޭންޑް ގައި ބޭއްވުނު، ޒައޮނިސްޓުންގެ އެންމެ ފުރަތަމަ ކޮންފަރެންސް އަށެވެ. ފަހެ، ވައިޒްމަން އަކީ، އޯގަނިކް ކެމިސްޓްރީއަށް ވަރަށް ޝައުޤުވެރިކަން ހުންނަ، އެމައިދާނުގައި އަވަދިނެތި ހީވާގިކަމާއި މުރާލިކަމާ އެކު މަސައްކަތް ކުރައްވާ، އެހާމެ ޢިލްމީ، ހުނަރުވެރި ބޭފުޅެކެވެ. އާދަޔާޚިލާފަށް މޮޅު ކެމިސްޓް އެކެވެ.


އެކިއެކި ކެމިކަލްސް އަމިއްލަ އަށް އުފައްދާއި ވިއްކުމުގެ ކުޅަދާނަ މާހިރެކެވެ. ދުނިޔޭގެ، 5 ވަނަ ޒައޮނިސްޓް ކޮންގްރެސް އަށް އަމިއްލަ ދާއިރާއާ ގުޅޭގޮތުން މުހިންމު ޕޭޕަރެއް ހުށަހެޅުއްވި އެވެ. ވަރަށް ޚާއްޞަ ގޮތެއްގައި ސައިންސް އާއި އެންޖިނިއަރިންގެ ފީލްޑްގައި ޔަހޫދި ޒައޮނިސްޓުން ކުރިޔަށް ގެންދިއުމުގެ ބޭނުންތެރި ކަމުގެ މައްޗަށް ބިނާކޮށެވެ.


މިކަރުދާހުގެ ނަތީޖާއެއްގެ ގޮތުން، 1912 ގައި ޓެކްނަން އިސްރާއީލް އިންސްޓިޓިއުޓް އޮފް ޓެކްނޮލެޖީ ޙައިފާގައި ވުޖޫދަށް ގެނެވުނެވެ. 1904 ގައި ވައިޒްމަން އަކީ، ޔުނިވަރސިޓީ އޮފް މަންޗެސްޓަރގެ ކެމިސްޓްރީ ލެކްޗަރަރ އެކެވެ. އިސާހިތަކު މާގިނަ ދުވަހެއްނުވެ، ވައިޒްމަން އިނގިރޭސި ޒައޮނިސްޓުންގެ އެންމެމަތީ ފަޑީގެ އިސްބޭފުޅަކަށް ވެއްޖެއެވެ.


ރޮތްސްޗައިލްޑް ޢާއިލާގެ ރުހުމާއި ލޯބި، އެންމެމަތީ ދަރަޖައަށް ވައިޒްމަން އަށް ލިބިގެން ދިޔައެވެ. ގުޅުން ބަދަހިވެ އެންމެގާތް މީހުންނަށް އެއާއިލާ ވެއްޖެއެވެ. ހަމަ އެދުވަސްވަރު، ޖޭމްސް ބަލްފޯރ މަންޗެސްޓަރ ޑިސްޓްރިކްޓުން ކޮންޒަވޭޓިވް ޕާޓީ، ތަމްސީލްކުރާ އެމްޕީއަކަށް ވުމަށް ކެންޕޭންއަށް ނުކުމެވަޑައި ގަތެވެ. އަދި މިކެންޕޭން ތެރޭގައި ޖޭމްސް ބަލްފޯރ އައި ވައިޒްމަން، ބައްދަލުވެ، ވަރަށްގާތް ގުޅުމެއް އުފެދުނެވެ.


އަދި އެލެކްޓޯރަލް ކެންޕޭނުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން، ވަރަށް ގާތްގުޅުމެއް މިދެބޭފުޅުންގެ މެދުގައި އުފެދުނެވެ. ނަތީޖާ އަކަށްވީ، ޖޭމްސް ބަލްފޯރ ވެސް ފަލަސްޠީނުގައި ޔަހޫދި ޒައޮނިސްޓުން ނަށް ޤައްމީވަޠޮނެއް ބިނާކޮށް ދިނުމަށް ރުހި ތާއީދުކޮށް ދިނީއެވެ. އަދި ވަރަށް އެކުގައި، އެއްރޫޙް އެއްގައި، އެމަސައްކަތަށް ވާގިވެރިވެ މަދަދުދޭން ފެށީއެވެ.


ވައިޒްމަން އާއި ރޮތްސްޗައިލްޑް އަކީ، ވަރަށް ބޮޑެތި މުއްސަނދި ސައުދާގަރުން ނެވެ. ހެސްކިޔާފަ ފައިސާ ހުރި ފަރާތްތަކެވެ. އިނގިރޭސި މުޖްތަމަޢުގެ ވަރަށް ބާރުގަދަ ފަތާރްތަކެވެ. ޒައޮނިޒަމްގެ ޙަރަކާތްތައް މުޅި ދުނިޔެއަށް ފަތުރާއި އަމިއްލަ ވަޒަނެއް ފަލަސްޠީން ގައި ބިނާކުރުމަށް ހިންގާ ހަރަކާތްތަކުގެ އެންމެއިސް ވެރިން ކަމުގައި ވެގެން ހިގައްޖެއެވެ.


އާދެ! ވައިޒްމަން ފުރަތަމަ ފަހަރަށް ފަލަސްޠީނު ބިމަށް ޒިޔާރަތްކުރީ، 1907 ގައެވެ. އެދަތުރުގައި ފަލަސްޠީން ގައި ހުންނަވައިގެން ޕަލަސްޓައިން ލޭންޑް ޑިވެލޮޕްމަންޓް ކޮމްޕަނީއެއް އުފެއްދިއެވެ. މަޤްޞަދް އަކީ، ޒައޮނިސްޓުން އެބިމުގައި ގެވެހިވުމަށް ދެކެމުންދިޔަ ހުވަފެންތަކަށް ޢަމަލީ ސިފައެއް ގެނެސް ދިނުމަށް މަގުކޮށުމެވެ. ވައިޒްމަން އަކީ، ކެމިކަލް އެނޖިނޭރަކަށް ވާތީ އާއި ސިޔާސީގޮތުން އަރާހުންނެވި، އެހާމެ އިޖްތިމާޢީ ޝަޚްޞިއްޔަކަށް ވާތީ، އިނގިރޭސި ސަރުކާރުން ވެސް، ވައިޒްމަން ރުއްސަން އިންތިހާއަށް ބޭނުންވެއެވެ.


ވައިޒްމަން އަކީ، ބްރިޓިޝް އެޑްމިރަލްޓީސް ލެބޯޓްރީސް ތަކުގެ ހެޑްއެވެ. އިނގިރޭސި ނޭވީންގެ ހަނގުރާމަ މަތީ، މަނަވަރު ތަކުގައި ބޭނުން ކުރެވެމުންދާ ވަޒަންތަކާއި ހަނގުރާމަ މަތީ ޖެޓްތަކުގައި ބޭނުންކުރާ ބޮންތަކާއި އެހެނިހެން ހަތިޔާރުތަކުގައި ކެމިކަލްސް ބޭނުން ހިފުމުގަޔާއި މިރޮގުން ހަތިޔާރުތައް އިތުރަށް ތަރައްޤީކޮށް، ޔޫރޭނިއަމް ފައްކާކޮށް ބޭނުން ހިފުމަށް ބޭނުންވާ ކެމިކަލްތައް އުފެއްދުމަށް، ވައިޒްމަންގެ އެހީތެރިކަން އިންތިހާއަށް، އިނގިރޭސި ސަރުކާރަށް ބޭނުންހިފަން މަޖްބޫރެވެ. އެހެންވެ ކޮންމެ އަގެއްދީފައި ވެސް، ވައިޒްމަން ލައްވާ މިކަންކުރުވުމަށް އެނާ ރުއްސަން ޖެހެއެވެ.


ފަހެ، ކެމިކަލް ހަތިޔާރުތަކުގެ އަގަށްވާ ފައިސާ ސަރުކާރުން ވައިޒްމަންގެ ކުންފުންޏަށް ދޭންޖެހޭތީވެ، ފައިސާގެ ބަދަލުގައި ވައިޒްމަން ބޭނުންވީ، ބަލްފޯރ ވަޢްދު ފުއްދާށެވެ. އަދި ފަލަސްޠީން ގައި ޒައޮނިސްޓުން ވީހާ އަވަހަށް ރައްވެހިކޮށް ދިނުމަށެވެ. ސަރުކާރުގައި އޭނާ އެދުނީ، ފައިސާގެ ބަދަލުގައި އޭނާއަށް މިކަން ވީހާ އަވަހަށް ކޮއްދިނުމަށެވެ. ފައިސާއެއް ބޭނުމެއް ނުވިއެވެ. ބޭނުންވީ ޒައޮނިސްޓުން ވަޒަންވެރިވާނެ އަމިއްލަ ބިމެކެވެ.


އާދެ! ވައިޒްމަންގެ ވަރުގަދަ ސިޔާސަތުގެ ދަށުން، ހެޓްޒަލް މެން ދުވަސް ވަރު، އިނގިރޭސިން ގެންގުޅުނު، އެފްރިކާގެ ޔޫގެންޑާގައި ޔަހޫދީ ވަޒަނެއް ޤައިމުކޮށް ދިނުމުގެ ވިސްނުން ވަނީ، އެކުގައި ހެން ބަދަލުކޮށް ލާފައެވެ. ވައިޒްމަން އާއި ވޯލްޓަރ ރޮތްސްޗައިލްޑް މެންގެ އާ ފިކުރުގައި ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ވުޖޫދަށް ގެނެވެން ޖެހޭނީ، މުސްލިމުންގެ ފަލަސްޠީން ގައެވެ. ޝާމްކަރާގައެވެ. އަލަށް ގެނެވުނު މިފިކުރުގެ ކުރިން، 1900 ގެ އަހަރު ތަކުގައި ތިއޮޑޯރ ހެޓްޒަލް މެންގެ ފިކްރާއި ވިސްނުންތަކައި ގުޅިގެން އިނގިރޭސިންގެ ވިސްނުން އެދުވަސްވަރު ގެންގުޅެފައި ވަނީ، އީސްޓް އެފްރިކާގެ ޔޫގެންޑާއިން ބިމެއް ކަނޑައި ދިނުމަށެވެ.


ކުރީގެ މުސްކުޅި ފިކުރާއި އާފިކުރެއް އުޅޭތީ، އެންމެ ފަހުން، 1903 ގައި ހެޓްޒަލް ގްރޫޕުން، މިހަރަކާތުގައި އިސްކޮށް އުޅުނު މީހުން ބޭނުންވީ، ސްވިޓްޒަލޭންޑް ބާސިލްގައި، 1903 ގައި އޮތް ޒައޮނިސްޓުންގެ، 6 ވަނަ ކޮންގްރެސް އަށް މިކަންތައް އެޖެންޑާކޮށް، ބަހުސްކުރާ ށެވެ. އެންމެންގެ ތާއީދާއެކު ގޮތެއް ނިންމާށެވެ. ކޮންގްރެސްގެ މިބައްދަލުވުން ވެގެންދިޔައީ ހޫނުގަދަކޮށް މިބަހުސް ހިނގި ޖަލްސާއަކަށެވެ. ބަހުސް ހޫނުވީ، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ފަލަސްޠީނު ބިމުގައި ޒައޮނިސްޓުން ނަށް ހޯމްލޭންޑެއް ބިނާ ކުރުމުގެ މައްޗަށެވެ.


އަދި ޔޫގެންޑާ ޤަބޫލްކޮށް ފިނަމަ، ފަލަސްޠީން މުޅި ޢުމުރަށް ނުލިބި ހިނގައިދާނެ ކަމުގެ ބިރުއޮތް ކަމުގެ މައްޗަށެވެ. އަދި މާތް ވެގެންވާ، ޤުދުސް އަބަދަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުގެ މައްޗަށެވެ. އަދި އީސްޓް އެފްރިކާ އާއި ހީބްރޫ މުޖްތަމަޢުއާ އެއްވެސް ކަހަލަ ގުޅުމެއް ނެތްކަމުގެ މައްޗަށެވެ. ދެފިކުރުގެ މީހުންގެ ދެމެދުގައި ވަރަށް ހޫނުކޮށް ބަހުސް ހިނގިއެވެ.


ރަޝިޔާ ވަފުދު ހޫނުބޮޑު ވެގެން، ޖަލްސާ މެދުކަނޑާ ލާފައި ބޭރަށް ނުކުންނަ ހިސާބަށް މި ބަހުސް ކުރިއަށް ދިޔައެވެ. އެހިސާބުން ދެން ތިބި މީހުންގެ މެދުގައި ވޯޓެއް ނަގައިގެން ނިންމުނީ، އިންވެސްޓިގޭޓަރ ކޮމިޝަނެއް ވީހާ އަވަހަށް އެސަރަޙައްދަށް ފޮނުވައިގެން ރިޕޯޓެއް އެކުލަވާ ލުމަށެވެ.


މިކޮމިޝަނުން، އެފްރިކާއަށް ގޮސް ބަލާފައި، ތަޙްޤީޤެއް ހެދުމަށް ފަހު، ގެނައި ރިޕޯޓްގެ ނަތީޖާއަކަށް ދެއްކީ، އެބިމުގައި ވަޙުޝީ ސިންގާތަކުންނާއި އެހެނިހެން ބައިވަރު މަޚްލޫޤާތް ތަކުން ފުރިގެންވާ ނުރައްކާތެރި ބިމެއް ކަމަށެވެ. އެއްގޮތަކަށް ވެސް ޒައޮނިސްޓުން ވަޒަން ވެރިވާން އެކަށީގެންވާ ބިމެއް ނޫންކަމަށެވެ.


ދެން މިމައްސަލަ ހުށަހެޅުނީ، 1905 ވަނަ އަހަރުގައި އޮތް، ޒައޮނިސްޓުންގެ ކޮންގްރެސް އަށެވެ. މިޖަލްސާއިން ފާސްކޮށް ނިންމީ އިނގިރޭސިންގެ ޔޫގެންޑާ މަޝްރޫޢު އަނބުރާ ރައްދު ކޮށް، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ފަލަސްޠީން ބިމުންގައި ޔަހޫދީ ޒައޮނިސްޓުން ނަށް އަމިއްލަ މިނިވަން މުސްތަޤިއްލު ޤައުމީ ބިމެއް ކޮންމެހެން ވެސް ގައިމުކުރަން ޖެހޭކަމަށެވެ. މިނިންމުމަށް ފަހު، ޒައޮނިޒަމް ޖަމާޢަތްތަކުން ފަލަސްތީނު ބިމުގައި ހޯމްލޭންޑެއް ގައިމުކުރުމުގެ މަސައްކަތް މުޅިން އާ ރޫޙެއްގައި ފަށައިގަތީއެވެ. އެންމެ ގަދަޔަށް މިމަސައްކަތް ޢަމަލީގޮތުން ކުރެވުނީ، އިނގިރޭސިވިލާތު ގައެވެ.


އިސްކޮށް ތިބީ، ރޮތްސްޗައިލްޑް ޢާއިލާ އާއި ވައިޒްމަން އާއި ޖޭމްސް ބަލްފޯރ އެވެ. މިއެންމެން ވެގެން، މިމަސައްކަތް ކުރިޔަށް ގެންދިޔައީ އިންތިހާއަށް ޖޯޝާއި ފޯރީގައެވެ. ވައިޒްމަން ފެށުނީއްސުރެ ވެސް ގަދައަޅާ ބޭނުންވީ، ޒައޮނިސްޓް ދައުލަތެއް ސީދާ ފަލަސްޠީންގެ މުސްލިމުނެގެ ބިމުގައި ވުޖޫދަށް ގެންނާށެވެ.


އެހެންވުމުން، ޖޭމްސް ބަލްފޯރ އަށް މަޖްބޫރުވީ، ވައިޒްމަން އާއެކު މިމަސައްކަތް ކުރިޔަށް ގެންގޮސް ޒައޮނިސްޓް ޔަހޫދީންނަށް މުސްލިމް ފަލަސްޠީނުގެ ބިމުން، އަމިއްލަ މިނިވަން ޤައުމީ ވަޒަނެއް ހޯދައި ދިނުމުގެ މަޤްޞަދުގައި، ބަލްފޯރ ވައްދު، ވައިޒްމަން އާއެކު އަހުދު ވާށެވެ. ވަޢްދު ކުރިޔަށް ގެންދާށެވެ.


ޙަޤީޤަތުގައި އިސްލާމުންނާއި އަސްލު ޔަހޫދީންނާ ދެމެދު މާގިނަ މައްސަލަ ތަކެއް އެއް އިރެއްގައި ވެސް ނޯވެއެވެ. މިދެބައި މީހުން އެންމެ ޤަދީމީ ޒްމާނުއްސުރެ ދިރިއުޅެމުން ގެންދިޔައީ އެކުގައެވެ. އެއްބިމެއްގައި އެއް މުޖްތަމަޢެއްގެ ގޮތުގައެވެ. އަބަދުވެސް ދިރިއުޅެމުން ގެންދިޔައީ އިޚްވާނުންގެ ގޮތުގައެވެ. އެއްބައެއްގެ ގޮތުގައެވެ. އެކިނަބީންގެ ދުވަސްވަރުން ފެށިގެންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުން ފެށިގެން ވެސް އިސްލާމުންނާއި ޔަހޫދީންނާ، އަދި މަސީޙީން ވެސް ދިރިއުޅެމުން ގެންދިޔައީ އެއް މުޖްތަމަޢެއްގެ ތެރޭގައެވެ.

އަހްލުބައިތުން، އާދެ އިލާހީ ފޮތްތަކުގެ އަހްލުވެރިންގެ ގޮތުގައެވެ.


ސަރަޙައްދީ ޙުދޫގެ މައްސަލަ ތަކެއް ނުޖެއެވެ. ބިމުގެ މައްސަލަތަކެއް ނުޖެހެއެވެ. އަދި ކްރިސްޓިއަން ނަސާރާއިން ޔަހޫދީންނާ އެކު، އަރާރުންވެ، އެ އަރާރުންގަނޑު ޙައްދުން ނެއްޓިގެން ދާދަނޑިވަޅު ތަކުގައި ޔަހޫދީންނަށް ޙިމާޔަތްދީ އެހީތެރިވަނީ މުސްލިމުންނެވެ. އަދި ޔަހޫދީން ވެސް ވާގިއާއި މަދަދަށް އެދެނީ މުސްލިމުންގެ ގާތުންނެވެ. އެހެން ވުމާ އެކު، އަސްލު ޔަހޫދީންނަށް މުސްލިމުންނާ އެކު މުސްލިމުންގެ މުޖްތަމަޢު ތަކުގައި ދިރިއުޅުމަކީ، އޭރު އެއްވެސް މައްސަލައެއް ނޫނެވެ.


އިސްލާމީ ދައުލަތް ތަކުގައި މަސީޙީންނާއި ޔަހޫދީން ދިރިއުޅެމުން ގެންދިޔައީ އިންސާނީ ވަންތަ ކަމާއި އުޚުއްވަތްތެރި ކަމާއެކު ގައެވެ. މިދެދީނުގެ އަސްލު މީހުންނަށް، ބައެއް ޢަރަބި ދައުލަތް ތަކުގެ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިތައް ވެސް ބެހެއްޓުނެވެ. އެފަދައިން މިޞްރު ޕާލަމަންޓްގައި ބެހެއްޓުނު ގޮނޑިތައް ހުސްކޮށް ހުންނަން ޖެހުނީ، އަލަށް އުފެދުނު ޒައޮނިޒަމް މަޒްހަބުގެ ޔަހޫދީންނާ ހެދިއެވެ.


ފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިޔަށް ބެއްޔަސް އެ އާދަތައް ފެނެއެވެ. ގޯސްވެގެން މިއުޅޭ ސަބަބަކީ، ޔޫރަޕުން މީގެތެރެއަށް ވަދެ، ޔަހޫދީ ޒައޮނިސްޓުންގެ ނަމުގައި ދުނިޔޭގެ އެތަންމިތަނުން، އަމިއްލައަކަށް އުފެދިގެން ނުކުތް ބަޔަކު، ޔަހޫދީންގެ ނަސްލު ބޭނުން ހިފާއި، އަމިއްލައަށް އަހްލުކިތާބީން ނަށް ވެގަނެގެން ހަރުކަށި ޔަހޫދީންގެ ގޮތުގައި ޒައޮނިޒަމް ވުޖޫދަށް ގެނެސް، އެދަރިކޮޅު ވަރުގަދަ ކުރަންއުޅޭން ފެށުމުންނެވެ.


ބިމަށް އަހުލުވެރި ޒަމާންވީ ބަޔަކު ޒަމާނުއްސުރެ ދިރިއުޅެމުން ދިޔަ ބިމަކުން ގަދަކަމުން ނެރެލާއި އެބިމަށް ގަދަފަދަ ކަމާ އެކު އަރައިގަނެ ފޭރިގަނެގެން އުޅޭތީއެވެ. ޒައޮނިސްޓް ޔަހޫދީންނަކީ، ޔޫރަޕްގެ އެތަންމިތަނުން ނުކުމެގެން އައިސް ޔަހޫދީ ޒައޮނިސްޓުން ނަށް ވެގަނެ ފަލަސްޠީންގެ ބިމަށް ގަދަބާރާ އެކު ގަދަކަމުން އެރިބައެކެވެ.


ފަލަސްޠީންގެ އެންމެގަދީމީ އަހުލުވެރިން ނަކީ، ކަންޢާނީ ދަރިކޮޅުގެ މުސްލިމުން ނެވެ. ޢަރަބިންނެވެ. އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުވެ. ތެދުމަގުގައި ތިބި މުސްލިމުންނެވެ. ފަހެ، އިސްލާމުންނަށް ޒައޮނިޒަމް ޤަބޫލްކުރަން ދަތިވަނީ، އަދި ޤަބޫލް ނުކުރަނީ، އިސްތިޢުމާރީ ލާދީނީ ޚުރާފި މަޛްހަބް އަކަށް ވާތީއެވެ.


އަދި އިންސާނީ ނަސްލު ތަފާތު ކުރުމަކުން އުފެދިގެން އައި ޖަމާޢަތަކަށް ވާތީއެވެ. އިލާހީ އަސްލެއް ނެތް މަސްނޫއީ ފަލްސަފާއެއްގެ ބަޔަކަށް ވާތީއެވެ. ނަސްލީތަފާތު ކުރުމާއި ރޭސިޒަމް (RACISM) ކުރިއަރުވާތީ އެވެ. އިރާން އާއި އިސްލާމީ ދައުލަތް ތަކުންނާއި ޢަރަބި ދައުލަތް ތަކުގެ ރައްޔިތުން ނަގަމުން ގެންދާ މައްސަލަ އަކީ މިއެވެ.


އާދެ! ރޭވި އިންތިޒާމް ކުރެވިގެން ޒައޮނިޒަމް އަމަލީގޮތުން ކުރިއަރުވަން ފެށީ، 1897 ގައި ބާއްވަން ފެށި، އެމީހުންގެ ފުރަތަމަ ކޮންގްރެސް އިން ފެށިގެން، ބޮޑު ހަނގުރާމައައި ހަމައަށެވެ. ޒައޮނިސްޓް ދައްލަތެއް ރަސްމީކޮށް އުފެދުމުން، މިހަރަކާތް ތައް ދުނިޔޭގައި ފަތުރަމުން ކުރިޔަށް ގެންދިޔައީ އެދައުލަތުން ނެވެ.


ޒައޮނިޒަމްގެ ބާވަތްތަކާއި ގޮފިތައް ދުނިޔޭގެ އެތަން މިތަނަށް މިހާރު ފެތުރިފައި ވެއެވެ. އޭގެ ތެރެއިން އެންމެ އާންމު ބަޔަކީ، ޖެނެރަލް ޒައޮނިސްޓުން ނެވެ. އާންމު ޒައޮނިސްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން ދިޔައީ، ޔޫރަޕްގެ މިޑްލްކްލާސް މީހުންގެ ތެރެއިން އެތަން މިތަނުން އަމިއްލައަކަށް އުފެދި، ބިންހޯދުމުގެ ބޭނުމުގައި ޔަހޫދީ އަކަށް ވެގެނެގެން ނުކުތް، ޒައޮނިސްޓުން ނެވެ. މިއީ ވަރަށް ކިޔަވައިގެން ތިބޭ އިލްމީމީހުންނެވެ.


ދުނިޔޭގެ ތަންކޮޅު ތަކުގައި ލީޑަރުންގެ ގޮތުގައި ތިއްބެވީ، އެފަންތީގެ ބޭފުޅުންނެވެ. އެއްގޮތަކަށް ވެސް އަޞްލު ޔަހޫދީން ނެއް ނޫނެވެ. މިމީހުންގެ ތެރެއިން ފާހަގަކޮށް ލެވޭ އެންމެ ވަރުގަދަ ލީޑަރެއް ކަމުގައިވާ ހައިމް ވައިޒްމަން އަކީ ވެސް، ރަޝިޔަން ދަރިކޮޅަކުން ވަޑައިގެން ހުންނެވި، ޒައޮނިސްޓެކެވެ. ފޮތުގެ އަހްލު ވެރިންގެ ތެރެއިންވާ ޔަހޫދީއެއް ނޫނެވެ.


ގިނަ ޒައޮނިސްޓުން ނަކީ، ސާފު އަޞްލު ޔަހޫދީންނެއް ނޫނެވެ. އަމިއްލައަށް ހެދިގެން އުޅޭ، ޔަހޫދީން ނެވެ. މުސްލިމުންގެ ފަލަސްޠީނަށް ވެރިވެގެން މިއުޅެނީ، މުޅިން ވެސް ހެދިގެން އުޅޭ ޚުރާފީ ޔަހޫދީން ނެވެ. ފަހެ ޒައޮނިޒަމް އަކީ، އިސްތިޢްމާރީ، އަދި ޚުރާފީ މަޛްހަބް އެކެވެ. ބަޔަކު އަމިއްލައަށް އުފެއްދި ފިކްރު އެކެވެ. މަޒްހަބެކެވެ. ނާސިޒަމް (NAZISM) އަކީ ވެސް މިކަހަލަ ޚުރާފީ ފިކުރުއެކެވެ.


ޢަލަވީންނަކީ ވެސް، ސުންނީންނާ ދެކޮޅަށް ސޫރިޔާގައި ފަރަންސޭސީންގެ އެހީގައި ގަދަފަދަ ވެގެން އުޅޭ، ޚުރާފި އަދި އިސްތިޢްމާރީ މަޛްހަބް އެއްގެ ބައެކެވެ. މިވައްތަރުގެ ހުރިހާ ނަސްލީ ތަފާތުކުރުމެއް ވުޖޫދަށް ގެނައީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބާވި ޞަޙާބީނާއި ތާބިޢީންނާއި ތަބަޢުތާބިޢީންގެ ލަޝްކަރު، އަހްލުއް ސުއްނަތުގެ އަހުލުވެރި ސުންނީންގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ގޮތުން، އިނގިރޭސިންނާއި ޔޫރަޕުން ނެވެ. އެމީހުން އަޑީގައި ތިބެގެން ދުނިޔެއަށް އުފަންކުރި ޚުރާފީ އަދި ސިޔާސީ މަޒްހަބު ތަކެވެ.


ނަޖްދުކަރައިގެ ސުންނީންނަށް، ވައްހާބިޒަމްގެ ނަމުން ނަންދީ، މުޅި ދުނިޔެއަށް މަޝްހޫރުކުރީ ވެސް އިނގިރޭސިންނެވެ. ފަހެ، މިއީ އިނގިރޭސިން ދީގެން އުޅޭ ތާކުންތާކު ނުޖެހޭ ބައިބައި ކުރުވުމުގެ ނަމެކެވެ. އަމިއްލައަކަށް އެއްވެސް ބަޔަކު އެމީހުންގެ ޒާތަށް ދީގެންއުޅޭ ނަމެއްނޫނެވެ.


މިއަދު ވެސް އިސްލާމުން ބައިބައި ކުރުމުގެ މިޒާތުގެ މިފަދަ ކަންތައް ކުރިޔަށް ގެންދަނީ ހަމަ އެމީހުންނެވެ. އިސްލާމް ދީނަށް ތަބާވެ މަދީނާމުނައްވަރާގައި ވެރިކަންކުރި، ސުންނީންގެ މުސްލިމް އިސްލާމީ ލަޝްކަރު ދެކެގަންނަ ބިރުންނެވެ.


އާދެ! ބޮޑު ހަނގުރާމަ އަށް ފަހު، 3 ޖަނަވަރީ 1919 ގައި، ފައިޞަލް، ވައިޒްމަން އެގްރީމަންޓް (FAISAL – WEIZMANN AGREEMENT) ގައި ސޮއި ކުރެވުނީ، ބަލްފޯ ވަޢްދު އަސްލަކަށް ބިނާކޮށް ގެންނެވެ. ދުނިޔޭގެ އެތަން މިތާގައި ޒައޮނިސްޓުންގެ ޖަމްޢިއްޔާ (WORLD ZIONIST ORGANIZATION) ތައް ވުޖޫދަށް ގެނެސް ރަސްމީކޮށް ގޮފިތައް ގައިމުކޮށް ދެފަހަރެއްގެ މަތިން، ހައިމް ވައިޒްމަން ވޯލްޑް ޒައޮނިސްޓް އޯގަނައިޒޭޝަންގެ ރައީސް ކަމުގައި ހުންނެވިއެވެ. ފުރަތަމަ ފަހަރު، 1921 އިން ފެށިގެން، 1931 އަށެވެ. ދެވަނަ ފަހަރު، 1935 އިން ފެށިގެން، 1946 އަށެވެ.


ފަހެ، ފައިޞަލް، ވައިޒްމަން އެއްބަސްވުން އެކުލެވިގެން ވަނީ، 9 ނުކުތާއެއްގެ މައްޗަށެވެ. މިއެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް ފަހު، އަނެއް ދުވަހު، 4 ޖަނަވަރީ ގައި، ވައިޒްމަން ފުރުއްވީ، ޕެރިހުގައި، 18 ނޮވެންބަރ 1919 ގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ، ޕީސް ކޮންފަރެންސް ގައި ބައިވެރިވުމަށް ކަޑައެޅި ފައިވާ، ޒައޮނިސްޓް ޓީމާއެކު، އެމީހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.


ޕީސް ކޮންފަރެންސް ގައި އިސްރާއީލީ ދައްލަތެއް އުފެއްދުމަށް ބޮޑު ހަނގުރާމައިގާ ބައިވެރިވި ހުރިހާ ޤައްމު ތަކަކުން އެއްބަސްވެ ނިންމީ، ބަލްފޯރ ވަޢްދު އާއި ފައިޞަލް، ވައިޒްމަން އެއްބަސް ވުމާ، މިދެ އެއްބަސްވުމުގައި ވާގޮތުގެ މަތިންނެވެ. އެދެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށެވެ.


އެހިސާބުން ޢަރަބި ފައިޞަލް ޢާއިލާގެ ރުހުމާ އެކު އިސްރާއީލީ ދައުލަތެއް ފަލަސްތީނުގައި ޤައިމު ކުރުމުގެ ޤަރާރެއް ކަނޑައެޅި ފާސްވެ ނިމުނީއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ، 1939 އިން ފެށިގެން، 1945 ގައި ނިމި، ގިނަގުނަ މަޝްވަރާ ތަކަކަށް ފަހު، ޔުނައިޓެޑް ނޭޝަންސް (UN) 24 އޮކްޓޯބަރ 1945 ގައި އުފައްދައި 17 ފެބްރުއަރީ 1949 ގައި، ސްޓޭޓް އޮފް އިސްލާއީލް ވުޖޫދަށް ގެނެވުނީ، ކުރިންވެފައިވާ ވަޢްދުތައް އަޞްލަކަށް ބަލައިގެން، އެބިންގަލުގެ މަތީގައެވެ.


އިސްރާއީލީ ދައުލަތުގެ ފުރަތަމަ ރައީސް އަކަށް ވެވަޑައިގަތީ، ހައިމް ވައިޒްމަން އެވެ. ބާނީ އަކީވެސް ވައިޒްމަން އެވެ. 9 ނޮވެންބަރ 1952 ގައި އަވަހާރަ ވަންދެން ވައިޒްމަން ހުންނެވީ ރައީސް ކަމުގައެވެ. އަވަހާރަވީ އިރު ޢުމުރަކީ، 77 އަހަރެވެ.


ބޮޑު ހަނގުރާމައަށް ފަހު ފަލަސްޠީން:


ބޮޑު ހަނގުރާމައަށް ފަހު، ފަލަސްޠީން، ޢުޘްމާނީ ޚިލާފަތުން ނެއްޓި، އިނގިރޭސި މޭންޑޭޓްގެ ދަށަށް ދިއުމުން، ފަލަސްޠީން އަށް އެންމެ ފުރަތަމަ ފޮނުވި ހައިކޮމިޝަނަރ އަކީ، ހަރބަރޓް ސަމްޔޫލް (HERBERT LOUIS SAMUEL, 6 NOV 1870 – 2 FEB 1963) އެވެ. ސަމްޔޫލް ފަލަސްޠީން އައި ހަވާލުވެގެން ހުންނެވީ، 1 ޖުލައި 1920 އިން ފެށިގެން، 30 ޖޫން 1925 އަށެވެ. ސަމްޔޫލް އަކީ، އިނގިރޭސި ލިބަރަލް ޕާޓީއަށް ނިސްބަތްވާ، ވަރަށް ފުންނާބު އުސް ސިޔާސީ ބޭފުޅެކެވެ.


ހަެބަރޓް ސަމްޔޫލް 1924 ގައި
ހަެބަރޓް ސަމްޔޫލް 1924 ގައި

ލިބަރަލް ޕާޓީގެ ރައީސްކަން، 1831 އިން ފެށިގެން، 1935 އަށް ކުރެއްވި އެވެ. އަދި ސަމްޔޫލް އަކީ، އިނގިރޭސި ކެބިނެޓަށް ވެންނެވި، ގަވައިދުން ޔަހޫދީ ދީނަށް އަޅުކަން ކުރަމުން ގެންދެވި، އެންމެ ފުރަތަމަ ބޭފުޅާއެވެ. އެއީ، 1902 އިން ފެށިގެން، 1914 އަށެވެ. އަދި ޕޯސްޓްމާސްޓަރގެ މަޤާމްގައި، 1915 އިން ފެށިގެން، 1916 އަށް ހުންނެވިއެވެ. އެއަށް ފަހު ވެވަޑައިގަތީ، ޑިޕްލޮމޭޓް އަކަށެވެ.


އާދެ! ފަލަސްޠީން ގައި އިނގިރޭސިންގެ ވެރިއެއްގެ ހައިސިއްޔަތުން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ސަމްޔޫލްގެ ނައިބެއްގެ ގޮތުގައި، ފަލަސްޠީން ގައި އިނގިރޭސިން ބެހެއްޓީ، ނީމަން މަޓުސް ބެންޓްވިޗް (NORMAN DE MATTOS BENTWICH, 28 FEB 1883 – 8 APR 1971) އެވެ. މިއީ ފުންނާބުއުސް ގާނޫނީބޭފުޅެކެވެ. ލޯޔަރެކެވެ.


ބެންޓްވިޗް
ބެންޓްވިޗް

ފަހެ، މިދެބޭފުޅުންގެ މަސައްކަތަކަށްވީ، ޞަހްޔޫނީ ޖަމާޢަތްތަކުގެ އެހީގައި ފަލަސްޠީން އަށް ހިޖްރަ ކުރަމުން ގެންދިޔަ، ޔަހޫދީންނަށް ބޭނުންވާ އެކިކަންތައްތައް ގާނޫނީ ގޮތުން ހަމަޖައްސައި ދިނުމެވެ. 1918 ގައި ބޮޑު ހަނގުރާމަ ނިމުނު އިރު ފަލަސްޠީން ގައި ޔަހޫދީން ތިބީ، ފަންސާސް ހަ ހާސް އެވެ. އަދި ފަލަސްޠީން ގައި ޢަރަބިން ތިބީ، ހަލައްކަ ސާޅީސް ހަތަރުހާސް އެވެ.


މިޢަދަދަކީ، ހުޅަގުގެ އެންމެ ޤައުމެއްގައި މިއަދު، މުސްލިމުން ވަޒަންވެރި ވެގެން އުޅޭ ވަރުގެ ޢަދަދެކެވެ. ފަލަސްޠީން ގައި ޒައޮނިސްޓުން ހެދި ގޮތަށް އޭގެތެރެއިން ޤައުމަކަށް، ބޭރުން އަރައި ވަޒަންވެރިވެ ތިބި މުސްލިމުން ގަދަފަދަވެ ގަނެ، އެތަން ހިފައިފިއްޔާ ކިހިނެތްވާނެތޯ މިއީ ހަމަ އުފައްދަން ޖެހޭ ރަގަޅު ސުވާލެކެވެ. އެހެނަސް ފަލަސްޠީންގައި އިނގިރޭސިން ނާއި ޔޫރަޕުން ކަންކުރީ މިފަދަކަމަކަށް ބަލައިލުމެއް ނެތި، ވަރަށް ވަޙުޝީކޮށެވެ. އިންތިހާއަށް އަނިޔާވެރި ކޮށެވެ.


ފަހެ، ސަމްޔޫލް އާއި ބެންޓްވިޗްގެ ބުރަ މަސައްކަތުން ވަރަށް ބާރަށް ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ. 1948 ގައި ފަލަސްޠީން ގައި ޔަހޫދީންގެ ޢަދަދަކީ، ހަތްސަތޭކަ ހާސް އެވެ. އަދި ފަލަސްޠީން ގައި ޢަރަބިންގެ އަދަދަކީ، އެއްމިލިއަން ތިންސަތޭކަ އައްޑިހަ ހާސް އެވެ. މި މައުލޫމާތުތައް އޭއައި އިން ސުވާލުކޮށް ލުމުންނާއި ގޫގުލް އިން ބަލައިލުމުން ފެންނާނެއެވެ.


އާދެ! 1914 ގައި ބޮޑު ހަނގުރާމަ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ފެށިތާ، ދެމަސް ފަހުން، ސަމްޔޫލް “ފިއުޗަރ އޮފް ފަލަސްޠީން” ގެނަމުގައި މެމަރަންޑަމެއް އިނގިރޭސި ކެބިނެޓް މިނިސްޓަރުން ނަށް ހުށަހެޅިއެވެ. އަދި އެލިޔުން ބަހާ ހެދިއެވެ. މީގައި ބުނާގޮތުން  ޔަހޫދީންގެ ހޯމްލޭންޑް އަކަށް ވާންޖެހޭނީ ފަލަސްޠީން އެވެ. ސަމްޔޫލް އަކީ، ޒައޮނިޒަމް ހަރަކާތުގައި އިސްކޮށް ނަގާކިޔަން އުޅުނު އެދުރެ ކަލޭގެ އެވެ.


ފަހެ، ސަމްޔޫން ފަލަސްޠީން އަށް ވަޑައިގެން އެންމެފުރަތަމަ އެޅުއްވި ފިޔަވަޅު ތަކުގެ ތެރޭގައި ފަލަސްޠީންގެ ރަސްމީ ތިންބަހުގެ ތެރެއިން އެއްބަހަކަށް ހީބްރޫބަސް ކަނޑަ އެލުއްވި އެވެ. ސްކޫލްތަކާއި މަޢްހަދު ތަކާއި ޔުނިވަރސިޓީ ގައި ހީބްރޫބަސް މަޖްބޫރު ބަހަކަށް ހެދިއެވެ. ޢަރަބި ބަހަށް ވުރެ އިސްކަންދީ ސަރުކާރު ތެރޭގަޔާއި އެހެނިހެން ލިޔެކިޔުންތައް ހީބްރޫ ބަހަށް މުޅިން ބަދަލުކުރި އެވެ.


ޒައޮނިޒަމް ކުރިއެރުވުމުގެ ހަރަކާތްތައް އިންތިހާއަށް ފުޅާކޮށް ބާރުސްޕީޑްގައި ކުރިޔަށް ގެންދިޔައެވެ. މިކަންކަމާ ހެދި، ފަލަސްޠީން ގައި ތިބި، ޒައޮނިސްޓް ޔަހޫދީން ސަމްޔޫލް އަށް ލޯބިދީ، މަރްޙަބާ އޮއްސަމުން ގެންދިޔައެވެ. އަދި ގައުމީ ލީޑަރެއް ގޮތުގައި ބަލައިގަތެވެ.


އެހެނަސް ސަމްޔޫލްގެ މިޢަމަލުތަކުން، ޖެނެރަލް އަލެންބީއާއި އެނާގެ ލަޝްކަރުގެ އިސްވެރިން މިކަމާ ނުރުހުން ފާޅުކޮށް ނޯޓިސް ކޮށް ހަދާފައި ވެއެވެ. އަލެންބީ، ސަމްޔޫލްގެ މިޢަމަލުތައް ސިފަ ކުރައްވާފައި ވަނީ، "ޓެކްނިކަލީ، ހައިލީ ޑޭންޖަރަސް" ކަމެއް ކަމުގައެވެ.


ފަހެ، އިނގިރޭސިން ނަކީ، މަސީޙީންނެވެ. ފޮތުގެ އަހްލު ވެރިންނެވެ. ޒައޮނިސްޓް ފިކްރުއަށް، އެހާތާއީދު ދޭބައެއް ނޫނެވެ. އަދި ސަމްޔޫލްގެ މިޢަމަލު ތަކުން ޢަރަބިން ދެކޭނީ، ސަމްޔޫލް އަކީ، އިނގިރޭސިން ތަމްސީލް ކޮށް ދޭ މީހެއްގެ ބަދަލުގައި ދުނިޔޭގެ ޒައޮނިސްޓުން ތަމްސީލް ކުރާ މީހެއްގެ ގޮތުގައި ކަމަށް ފާހަގަކޮށް ސިފަކޮށް ފައި ވެއެވެ.


ފަހެ، 1925 ގައި އެނބުރި އިނގިރޭސި ވިލާތަށް ސަމްޔޫލް ގެންނަވައި އަނެއްކާ ވެސް އިނގިރޭސި ކެބިނެޓްގެ ހޯމް މިނިސްޓަރ ކަން ދެއްވިއެވެ. މިގޮތުގައި ސިޔާސީ ކަންކަމުގައި ހަރަކާތް ތެރިވެލައްވައި އުޅުއްވިއެވެ. އަދި، ޢުމުރުގެ ފަހު ކޮޅުގައި، ތިން ފޮތެއް ލިޔުއްވި އެވެ.


އާދެ! މިހާތަނުން އަޅުގަނޑު އުފައްދަން ޖެހޭ ސުވާލަކީ، އިނގިރޭސި ޒަމާންވީ ކްރިސްޓިއަން، މަސީޙީ ސަރުކާރުން ޒައޮނިޒަމް އަށް ތާއީދުދީ މިހާބޮޑަށް އެމީހުންގެ ރުހުންހޯދަން ޖެހުނީ ކީއްވެތޯއެވެ؟ އަދި ޒައޮނިޒަމް އަށް މިހާބޮޑު ތައީދެއް ދިނުމުން އިނގިރޭސި ދައްލަތަށް ލިބިގެންދަނީ ކޮންފައިދާ އެއްތޯ ބަލައިލުމަ ށެވެ.


އިނގިރޭސި ދައުލަތުން ޒައޮނިޒަމް އަށް ތާއީދުކޮށް ރުހުން ދިނުން:


ދުނިޔޭގައި ޒައޮނިޒަމް ފިކްރު އުފެދިގެން އައި ގޮތާމެދު މިހާރު ވާނީ، ނަޒަރުކޮށް ކުރުވާހަކަ ކޮޅެއް ގެނެސްދެވި ފައެވެ. ބޮޑު ހަނގުރާމައިގެ ދުވަސް ވަރު، ދުނިޔޭގެ ބާރަކީ، އިނގިރޭސިން ނެވެ. އެގޮތުން، ޔޫނާން، ގްރީސް ގައި އުފެދިގެން ދިރުނު ޒައޮނިޒަމްގެ ފިކްރު، ބިންވަޅުނެގި މަރްކަޒު ކުރެވުނީ، އިނގިރޭސި ވިލާތުގައި އިނގިރޭސިންގެ ތެރޭގައެވެ.


އިނގިރޭސި ވިލާތުގައި އޮތް ޒައޮނިޒަމް ފިކުރުގެ މުޖްތަމަޢު އަކީ، ވަރަށް ފައިސާ ވެރި، ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އިނގިރޭސި ވިލާތުގައި ވަރަށް ބާރުގަދަ މޫލައިފައިވާ ބުޔަ ވަރުގަދަ ބައެކެވެ. ފައިސާވެރި ދަރިކޮޅެކެވެ.


މުޅި ޔޫރަޕްގައި މިމީހުންގެ ޖަމްޢިއްޔާ ތަކާއި ކްލަބްތަކާއި ނާދީތައް އުފައްދައި ހަރަކާތްތެރި ކުރުވަމުން ގެންދާ ސޮސައިޓީ އެކެވެ. ވަރަށް ރޭވިގެން ކަންކަން ދުރާލައި ވިސްނައިގެން ކުރަމުން ގެންދާ ބައެކެވެ. އިނގިރޭސި ކްރިސްޓިއަން ދައުލަތަށް، މިފިކުރަށް ތާއީދުދީ ރުހުންދޭން ޖެހުނު ސަބަބުތަކަށް ބަލާއިރު، އެންމެ އިސްކޮށް ފާހަގަކުރެވޭ، ހަތަރު ނުކުތާއެއް މިތާގައި ގެނެސްދޭ ނަމެވެ.


1-    ޒައޮނިޒަމް ފިކްރުގެ ޔަހޫދީންނަކީ، އިނގިރޭސި ސޮސައިޓީގައި ނުފޫޒުހުރި ވަރުގަދަ ބާރަކަށް ވާތީ، ސަރުކާރަށް ތާއީދު ހޯދުމުގެ ކެންޕޭންގައި، ސިޔާސީ ވަޢްދު އެއްގެ ގޮތުގައި ޒައޮނިޒަމް ސޮސައިޓީ އާ އެކު ވާންޖެހުނީ ވަރުގަދަ ވަޢްދު އެކެވެ. އެވައުދަކީ، އިނގިރޭސި ސަރުކާރަށް ޒައޮނިޒަމް ފިކްރުގެ ސޮސައިޓީން ތާއިދު ކޮށް ދީފި ނަމަ، ޒައޮނިޒަމް ފިކްރުގެ ޔަހޫދީންނަށް، އެމީހުން އެދޭކަންތައް ކަމުގައިވާ ފަލަސްޠީން ބިމުން އަމިއްލަ މިނިވަން ބިމެއް ދޭނޭކަމަށް ވަޢްދުވީއެވެ.


ބިމުގެ ބަދަލުގައި ސަރުކާރަށް އެސޮސައިޓީގެ ތާއީދާއި ރުހުން ލިބިގަތީއެވެ. ފަހެ، މުސްލިމުންގެ ބިމުން ބިމެއް ދީފައި، އިނގިރޭސި ޒައޮނިޒަމް މުޖްތަމަޢުގެ ރުހުން އިނގިރޭސި ސަރުކާރުން ލިބިގަތީއެވެ. މިކަމާ ގުޅިގެން ސަރުކާރަށް، އިންތިޚާބު ތައް ކާމިޔާބުކޮށް ދިނުމަށް ކެމްޕޭއިން ކުރުމާއި ސަރުކާރުގެ ތެރެއަށް ޒައޮނިޒަމް ފިކްރުގެ މީހުންނަށް ވަނުމުގެ ޗާންސް ބޮޑުވެ، އިތުރު ވެގެން ދިޔައެވެ.


2-    ހައިމް ވައިޒްމަން އަކީ، އިނގިރޭސި ވިލާތުގެ ޒައޮނިޒަމް ސޮސައިޓީގެ ވެރިޔާއަށް ވެފައި މީނާއަކީ، އެކި ވައްތަރުގެ ކެމިކަލްސް އުފެއްދުމާއި އޭގެ ކާރުޚާނާއެއްގެ ވެރިއަކަށް ވެފައި، ހަމައެކަނި މިބާވަތުގެ ކެމިކަލްސް ހަތިޔާރުގެ މަސައްކަތް ކުރަނީ މީނާގެ ކާރުޚާނާއިން ކަމުގައިވާތީ، މީނާގެ ތާއީދާއި ރުހުން، އިނގިރޭސި ސަރުކާރަށް އިންތިހާއަށް ބޭނުންވެ އެވެ. އިނގިރޭސި ޢަސްކަރިއްޔާ އަށް ބޭނުންވާ ހުރިހާ ކެމިކަލްތަކެއް ގަންނަން ޖެހެނީ، ވައިޒްމަން އަތުންނެވެ.


އެހެންވެ އިންގިރޭސި ދައުލަތުން ވައިޒްމަން އަށް ދޭންޖެހޭ ގިނަފައިސާ ތަކުގެ ބަދަލުގައި އޭނާ ބޭނުންވަނީ، ޔަހޫދީ ޒައޮނިޒަމް ސޮސައިޓީއަށް ފަލަސްޠީނުގައި އަމިއްލަ ޤައުމީވަންތަ މިނިވަން ބިމެއް، އެފައިސާތައް ނެގުމުގެ ބަދަލުގައި ލިބިގަނެ، މިކަން މިގޮތަށް އޭނާއަށް ކޮށްދޭށެވެ. ވައިޒްމަން އާއި ރޮތްސްޗައިލްޑުމެން އަތުގައި ފައިސާއަކީ، ފަލަސްޠީންގެ މުޤާބިލްގައި އެއްވެސް އެއްޗަކަށް ނުވާތީ އިނގިރޭސިން ނަށް މިޑީލް ހަދަން ޖެހުނީއެވެ.


އެހެންވުމުން ވައިޒްމަން އަށް އިނގިރޭސި ސަރުކާރުން ދޭންޖެހޭ ފައިސާތައް ބިމެއްގެ ދަހިވެތި ކަމުގައި މަޢާފުކޮށް ކަނޑާލަ ދިނުމުން، ފަލަސްޠީންގެ ބިން ޔަހޫދީ ޒައޮނިސްޓުން ނަށް ވަޒަނެއްގެ ގޮތުގައި ދީފައި އިނގިރޭސި ސަރުކާރުން ޔަހޫދީ ސޮސައިޓީގެ ތާއީދާއި ރުހުން ލިބިގަތީ އެވެ. ފަލަސްތީނު މުސްލިމުންގެ އަމިއްލަ މިލްކު ބިމަށް ވުރެ އިނގިރޭސިންގެ ސިޔާސަތު އިސްކުރީއެވެ.


ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގާ ބޭނުންކުރި ހުރިހާ އެސިޓޯން ކެމިކަލްސް އާއި ހަތިޔާރު ހިލޭ ހޯދީ މިގޮތުގެ މަތީންނެވެ. އެއްވެސް ކަހަލަ ނަގުދު ފައިސާއެއް ނުދީއެވެ. ސަހްޔޫނީ ކުންފުނިތަކުން ހިލޭއެވެ. ފައިސާއަށް މިހެދީ ފަލަސްތީނެވެ.


3-    އޭރުގެ އިނގިރޭސި ބޮޑުވަޒީރު ލޮއިޑް ޖޯރޖް އާއި ސަރުކާރުގައި އިސްކޮށް ތިއްބެވި ހުރިހާ ކްރިސްޓިއަނުންގެ އެދުރުބޭކަލުން ޤަބޫލް ކުރާގޮތަކީ، އަދި އެމީހުންގެ ޢަޤީދާއަކީ، މަސީޙް ޢީސާ ޢަލައިހިއް ސަލާމް އަކީ، ދުނިޔެއަށް އެނބުރި، މުޞްލިޙެއްގެ ގޮތުގައި ވަޑައިގަން ނަވާނެ ނަބީއެއްކަމާއި އެނަބިއްޔާ ވަޑައިގަތުމަށް ޓަކައި، ޙުރުމަތްތެރި ވެގެންވާ މުޤައްދަސް ބިމެއް އެކަމަށް ޚާއްޞަ ކުރެވިފައި އޮންނަން ޖެހޭކަމަށެވެ. އެބިމަކަށް އެންމެ ރަނގަޅުވާނީ، ފަލަސްޠީންގެ މުގައްދަސް ޤުދުސް ކަމުގައި ޤަބޫލް ކުރާ މީހުންގެ ޢަޤީދާއަށް އިސްކަމެއް ދިނުމުގެ ގޮތުން، އިނގިރޭސި ސަރުކާރުގައި އިސްކޮށް ތިއްބެވި ފާދިރީންގެ ބޮޑުން، ބޮޑުވަޒީރާއެކު މިކަމަށް ރުހި، ފަލަސްޠީން ޒައޮނިސްޓް ޔަހޫދީންނަށް ދިނުމަށް ނިންމާއި ރުހުނީއެވެ. ވައްދުވީއެވެ.


4-  ފަހަރުގައި މިނުކުތާ ކޮންސްޕިރަސީ ތިޔަރީއަކަށް ވެދާނެއެވެ. އެހެނަސް ބައެއް މުއައްރިޚުން ފާހަގަކޮށް ހަދާފައި ވާތީ، ގެނެސްދޭނަމެވެ. އިނގިރޭސިން ޤަބޫލްކުރާ ގޮތުގައި ބޮޑު ހަނގުރާމައިގެ ތެރެއަށް އިނގިރޭސިން ނާއެކު، އެމެރިކާ ވެއްދޭނެ ހަމައެކަނި ގޮތަކީ، އެމެރިކާގައި ތިބި ޔަހޫދީ ސޮސައިޓީ ރުއްސުން ކަމުގައި ވާތީ، އެކަން ކުރެވޭނީ، ފަލަސްޠީންގެ ބިމުން ޔަހޫދީން ނަށް ދިރިއުޅޭނެ އަމިއްލަ މިނިވަން ބިމެއް ދީގެންކަމުގައި އިނގިރޭސިން ނަށް ޤަބޫލް ކުރެވިގެން، އެމެރިކާ ބޮޑު ހަނގުރާމައަށް ވެއްދުމުގެ ބޭނުމުގައި މިކަން ކުރީއެވެ.


އެހެނަސް އެމެރިކާ އަކީ، އަށާރަ ސަތޭކައާއި ނަވާރަ ސަތޭކައިގެ އަހަރުތަކު ގައި ސާފުކަމާ އެކީގައި އަޞްލު ޔަހޫދީންގެ ގޮތުގައި ވަރަށް ހިތްހަމަ ޖެހުމާއެކު ދިރިއުޅެމުން ގެންދިޔަ ޤައުމެކެވެ. ޒައޮނިޒަމް އޭކިޔާ ފިކުރުގެ އެއްވެސް ޚިޔާލެއް ގެންގުޅުނު ބައެއްނޫނެވެ. ކްރިސްޓިއަނުން ތިބީ އަޞްލު ކްރިސްޓިއަނުންގެ ގޮތުގައެވެ. ޔަހޫދީން ތިބީ، އަޞްލު ޔަހޫދީންގެ ގޮތުގައި އެޢަޤީދާގެ މަތީގައެވެ.


ޒައޮނިޒަމް ފިކްރު އާއި ނާޒީ ފިކްރު އާއި ޢަލަވީ ފިކްރު އައި އެހެނިހެން މިފަދަ އިސްތިޢްމާރީ އަދި ޚުރާފީ ފިކުރުތައް ފެތުރިގެން އައީ ޔޫނާންގައެވެ. އެމެރިކާ ޔަހޫދީން ތިބީ، އެމީހުންގެ އަޞްލު ދީނުގައެވެ. ސާފުޠާހިރުކަން މަތީގައެވެ. އެހެންވެ އޭރު އިތުރު އިސްތިޢްމާރީ އަދި ޚުރާފީ، ދީނީ ފިކުރުތަކެއް ނެތެވެ. އެހެންބައެއްގެ ބިމަށް އަރާއި ގަދަކަމުން ވެރިވެގަތުމުގެ ޚިޔާލެއް ފިކުރުއެއް އޭރަކު އެމީހުނެގެ ކިބައިގައި ނެތެވެ. އެ ފިކުރު އާލާވީ އެމެރިކާ މައްޗަށް ސަހުޔޫނީން ބާރުވެރިވީ ފަހުންނެވެ.


އާދެ! އެމެރިކާ އިނގިރޭސިން ނަށް ތާއީދުކޮށް ބޮޑު ހަނގުރާމައަށް ވަނީ، ވަރަށް ފަހުގައެވެ. ހަނގުރާމަ ނިމެން ކައިރިވެފައި ވަނިކޮށެވެ. ފަހެ، އެމެރިކާ އިން، ޔަހޫދީ ޒައޮނިޒަމް އަށް ތާއީދުކުރީ، އަދި ޤަބޫލްކުރީ، ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހުގައެވެ. އިސްރާއީލީ ދައުލަތެއް އުފެއްދުމުގެ ތެރޭގައެވެ. ބަލްފޯރ ވަޢްދުގެ ދުވަސް ވަރަކު ނޫނެވެ. ޒައޮނިޒަމް އުފެދިގެން އައި ދުވަސްވަރަކު ނޫނެވެ.


ފަހެ، ހަމަ މިހަމައިގެ މަތިން، އިނގިރޭސިންގެ ތެރޭގައި ވެސް ޒައޮނިޒަމްއާ ދެކޮޅު ވިސްނުމުގެ ބޭފުޅުން އެންމެމަތީ ފަޑީގައި ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެއިސް ބޭފުޅަކީ، އެޑްވިން ސަމްޔޫލް މޮންޓަގޫ (EDWIN SAMUEL MONTAGU, 6 FEB 1879 – 15 NOV 1924) އެވެ.


އެޑްވިން މޮންޓަގޫ
އެޑްވިން މޮންޓަގޫ

މީނާއަކީ، އިނގިރޭސި ލިބަރަލް ހަރުކަށި ސިޔާސީ ބޭފުޅެކެވެ. އަދި އޭނާ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އިންޑިޔާގެ މަޤާމްގައި، 1917 އިން ފެށިގެން، 1922 އަށް ހުންނެވިއެވެ. އަދި، 1906 އިން ފެށިގެން، 1918 އަށް އިނގިރޭސި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއެވެ. އަދި ބޮޑު ހަނގުރާމަ އަށް ފަހު، ޕެރިސް ގައި ބޭއްވި ޕީސް ކޮންފަރެންސް އަށް އިންޑިޔާއިން އައި ވަފުދުގެ ލީޑަރަކީ، މޮންޓަގޫ އެވެ.

އާދެ! މޮންޓަގޫ އަކީ، ސަރ ހަރބަރޓް ސަމްޔޫލް އާއި ސަރ ރުފުސް އިސާކް ފިޔަވާ ބްރިޓިޝް ކެބިނެޓަށް ވެންނެވި، ތިންވަނަ އެންމެ ބާރާއި ނުފޫޒުހުރި އިނގިރޭސި ޔަހޫދީއެވެ. އަދި މީނާއަކީ، ޒައޮނިޒަމްގެ ފިކްރު އިނގިރޭސި ކެބިނެޓް ތެރޭގައި ފުރަތަމަ ފަހަރަށް ފެތުރި، ހަރބަރޓް ސަމްޔޫލް އައި ތިމާގެ ބޭފުޅެކެވެ.


އެހެނަސް އަޞްލު ޔަހޫދީ އަކަށްވާތީ ޒައޮނިޒަމް އާ ބޮޑުކޮށް ދެކޮޅީއެވެ. ފަހެ، މޮންޓަގޫ އަކީ، އިނގިރޭސި ކެބިނެޓްގެ އެތެރެކޮއިލްގެ އަރިސް ބޭކަލެކެވެ. އިނަރސާކްލްގެ ބޭފުޅެކެވެ. މޮންޓަގޫ އަކީ، އިނގިރޭސި ކެބިނެޓްގައި ޒައޮނިޒަމް އާ ދެކޮޅަށް ހަރުކަށިކޮށް ވަރަށް ފާޅުކަން ބޮޑު ގޮތުގައި ވާހަކަ ދައްކަވާއި އަޑުއުފުއް ލަވައި ވަކާލާތު ކުރެއްވި ޢަޤީދައިގެ ގޮތުން ވަރުގަދަ އަޞްލު ޔަހޫދީ ބޭކަލެކެވެ. ރެޑިކަލެކެވެ. ފޮތުގެ އަހްލުވެރި އެކެވެ.


އަދި މީނާ އަކީ ބަލްފޯރ ވައްދު އައި ދެކޮޅު ހެއްދެވި، ހަމަ އެކަނި ޔަހޫދީ ބޭފުޅާއެވެ. ފަހެ، މޮންޓަގޫ އިނގިރޭސި ކެބިނެޓްގެ މިޢަމަލަށް ސީދާ ޢިބާރާތުން ފާޑު ވިދާޅުވެފައި ވަނީ، "އެއްވެސް ފައިދާއެއް ނެތް، ސިޔާސީ ތަފާތު ކުރުމެއް" ކަމުގައެވެ. އޭނާ ދެކޭ ގޮތުގައި މިއީ ޒަމާން ތަކަކަށް ދެމިގެންދާނެ، އެންޓި ސެމިޓިކް (ANTI SEMITIC) ޢަމަލެކެވެ.


ފާޅުގައި ޔަހޫދީންނާ ދެކޮޅުވެރި ކަމެއް އުފެއްދުނީ އެވެ. އަދި މީގެ އިތުރަށް، އިނގިރޭސި ކެބިނެޓަށް މޮންޓަގޫ ނޯޓެއް ހުށަހެޅުއްވި އެވެ. އެ ލިޔުމުގައި ވަނީ މިފަދައިންނެވެ.


"ހަމަ ކަށަވަރުން އަހަރެންނަށް ޤަބޫލް ކުރެވެނީ، މިކަމުން މުސްލިމުން ނާއި މަސީޙީން ނަށް ޔަހޫދީންނާ ދެކޮޅު ހެދުމަށް، ދޮރާއްޓެއް ހުޅުވައިދީ މަގުފަހިކޮށް ދެވުނީއެވެ. އިންގްލޭންޑް އޭ ބުނުމުން، އެއީ އިނގިރޭސިންގެ ތަނަކަށް ޚާއްޞަ ކުރެވިގެން ދާގޮތަށް، އަދި ފްރާންސް އޭ ބުނުމުން ފްރެންޗް މީހުންނަށް ނިސްބަތް ކުރެވިގެން ދާގޮތަށެވެ. ފަހެ، ތުރުކީންނާއި ފަލަސްޠީންގެ މުސްލިމުންނާއި އެހެނިހެން މުސްލިމުން ކަމާނުބެހޭ ބައެއްގެ ގޮތުގައި ފާހަގަކުރެވި ބޭރުކޮށް ލެވުނީއެވެ. ހަމަ މި ބީދައިން ޔަހޫދީންނަކީ، އެހެން ޤައްމު ތަކުގައި ތަފާތު ކަމާ އެކު ބޭރުކޮށް ލެވޭނެ ބަޔަކަށް ވެގެންދާނެ ބައެކެވެ.”


ފަހެ، މިހާ ފާޅުކަން ބޮޑު ގޮތަކަށް މިވާހަކަ ތަފްޞީލް ކޮށް ދިނުމުން ވެސް އަޅާލާނެ، އަޑުއަހާނެ ފަރާތެއް ނުވިއެވެ. ވަޅުޖެހިގެން ދިޔައީ އެވެ. ފަސްއެޅި އޮބުނީއެވެ. އެއްވެސް ޢަމަލީ ސިފައެއް ނުގެނެވި ތާރީޚްގެ ތެރެއަށް މިވާހަކަތައް ފަސްއެޅި ފޮރުވިގެން ދިޔައީ އެވެ. މޮންޓަގޫގެ ބޮޑުބޭބެ، ހަރބަރޓް ސަމްޔޫލް އަކީ، އިނގިރޭސި ސަރުކާރު ތެރޭގަޔާއި އިނގިރޭސި ޔަހޫދީ ސޮސައިޓީ ތެރޭގައި ޒައޮނިޒަމްގެ ނުބައި ވިހަ، ފުރަތަމަ ފަހަރަށް ފެތުރި ޒަޢީމް އެވެ.


އަދި ފަލަސްޠީނު ބިމުން އަމިއްލަ މިނިވަން ވަޒަނެއް ހޯދުމަށް ވަކާލާތު ކުރެއްވި އިސް މޭސްތިރިޔާ އެވެ. މިހުރިހާ ބަހުސް ތަކަކަށް ފަހު ވެސް، ބަލްފޯރ ވަޢްދުއާއި ފައިޞަލް-ވައިޒްމަން ވައްދުއާ އެއްގޮތަށް ކުރިޔަށް ގެންގޮސް ނިންމާލީ، ޔަހޫދީންގެ ހަރުކަށި ޒައޮނިސްޓް ޖަމާޢަތުގެ އެދުމާ އެއްގޮތަށް ޒައޮނިސްޓުންގެ އަމިއްލަ މިނިވަން ވަޠޮނެއް ބިނާކުރުމަށް ފަލަސްޠީން ދޭގޮތަށެވެ. އިނގިރޭސިންގެ ވަޢްދު ފުއްދައި ފުރިހަމަކޮށް ދިނީއެވެ. މުސްލިމުން ނަށް ހިތާމައިގެ ކޮޅެއް ނެތެވެ.


ޢިރާޤް އާއި ބައެއްރަށްތައް ހިފުމުގެ ހަނގުރާމަ:


ޢިރާޤް އާއި ބަޣްދާދްއާ، އަދި އެސަރަޙައްދުގެ އެހެނިހެން ރަށްތައް ވަށާލައި ބައެއް ރަށްތައް ހިފީ، ބޮޑު ހަނގުރާމައިގެ ތެރޭގައި ހިންގުނު، “މެސެޕޮޓޭމިއާ ކެންޕޭން” (MESOPOTAMIAN CAMPAIGN) ތެރޭގައެވެ. މިހަނގުރާމަ ކެންޕޭނެއްގެ ސިފައިގާ ކުރެވުނީ، 9 ނޮވެންބަރ 1914 އިން ފެށިގެން، 14 ނޮވެންބަރ 1918 އަށެވެ. ބަރާބަރު، 4 އަހަރާއި، 1 ހަފްތާއާއި، 1 ދުވަހުން ނަތީޖާހޯދި ކެންޕޭން އެކެވެ. މިހަނގުރާމަ ތެރޭގައި ފުރާތު (EUPHRATES) ކޯރުއާއި ދިޖްލަ (TIGRIS) ކޯރުގެ ދެމެދުގައި ވާ ރަށްތަކާއި އައްސޭރިފަށުގެ ރަށްތައް އެކުގައި ހިފީއެވެ.


މެސެޕޮޓޭމިއާ އަކީ، މިހާރުގެ މޮޑަން ޢިރާޤް އެވެ. ފަހެ، މި ސަރަޙައްދަކީ، ޢުޘްމާނީ ޚިލާފަތުން ވަރަށް ޢުމްރާނީ މަސައްކަތް ހިންގި ސަރަޙައްދެކެވެ. 1888 ގައި ޤައިމު ކުރެވުނު ޢިރާޤް ރެއިލްވޭއާއި އެންގްލޯ ޕާޝިއަން އޮއިލް ކުންފުނީގެ ބިޔަ މަސައްކަތްތައް އިސްލާމީ ޚިލާފަތުން ގެނައި ރިފޯރމްތަކުގެ ތެރޭގައި ހިމެނެއެވެ. އިނގިރޭސިންގެ ބިރަކަށް ވެގެންދިޔައީ މުސްލިމުންގެ މިފަދަ ތަރައްޤީ ތަކެވެ. އަދި ސަރަޙއްދުގެ މުއްސަނދި ކަމެވެ.


ފަހެ، މި ސަރަޙައްދަކީ، މާސިންގާ ފުރާތު ކޯރާއި ދިޖްލަކޯރުގެ ދެމެދަށް ވާތީ، ވަރަށް ބޮޑަށް މާސިންގާކޮށް ފެންތިޔާގި، ބިންގަޑު ރަނގަޅު ދަނޑުވެރި އޭރިޔާ އެކެވެ. ފެހިކަމުގެ ބޮޑު ސަރަހައްދެކެވެ. ޢަރަބިން މިބިމަށް ދީފައިވާ ނަމަކީ، ބިލާދުއްރާދިފީން އެވެ. އަލްކޫތް (ALKUT) އާއި އެހެނިހެން ރަށްތައް ވަށާލުމަކީ، ޢިރާޤްގެ ބިމަށް އެއްވެސް އިންސާފެއް، އިންސާނިއްޔަތެއް ނެތި އިނގިރޭސިން ވެރިވެ ގަތުމެވެ. އަދި ބަޣްދާދް އިނގިރޭސިންގެ ދިދައިގެ ދަށަށް ވެއްޓިގެން ދިއުމެވެ.


ކޫތް ވަށާލުން:


ކޫތް ވަށާލުމުގެ (SIEGE OF KUT ALAMARA) ހަނގުރާމަ އަކީވެސް، މެސެޕޮޓޭމިއާ ކެންޕޭންގެ އަމާޒެކެވެ. މިހަނގުރާމަ ހިނގީ، 7 ޑިސެންބަރ 1915 އިން ފެށިގެން، 29 އެޕްރީލް 1916 އަށެވެ. ފަހެ، މިއީ ޢުޘްމާނީ ޚިލާފަތްގެ ލަޝްކަރާއި އިއްތިޙާދީ ލަޝްކަރާ ދެމެދު ހިނގި ވަރުގަދަ ކުރިމަތި ލުމެކެވެ. އިއްތިޙާދީންގެ ލަޝްކަރުގައި ގިނައިން ބޭނުންކުރީ، އިންޑިޔާގެ ޢަސްކަރީން ނެވެ.


ލީޑަރަކަށް ހުންނެވީ،  މޭޖަރ ޖެނެރަލް ޗާލްސް ޓައުންޝެންޑް (SIR CHARLES VERE FERRERS TOWNSHEND, 1861 – 1924) އެވެ. ޢުޘްމާނީ ލަޝްކަރު ލީޑްކޮށްދިނީ، ކޮލްމަރ ވޮންޑެ ގޮލްޓްޒް (COLMAR FREIHERR VON DER GOLTZ, 1843 – 1916) އެވެ. މީނާއަކީ، ޕާޝިއަން ފިލްޑްމާޝަލް އެކެވެ. މަޝްހޫރު ވެފައިވަނީ، ގޮލްޓްޒް ޕާޝާގެ ނަމުންނެވެ.


އަރިހުގައި ލީޑަރުންނަށް ދެން ތިއްބެވީ، ނޫރައްދީން އިބްރާހީމް ޕާޝާ (NUREDDIN IBRAHIM PASHA, 1873 – 1932) އާއި ޚަލީލް ޕާޝާ (HALIL KUT, 1881 – 1957) އައި މިދެ ޕާޝާ އިންނެވެ. ޚަލީލް ކުތްޕާޝާ އަކީ، އަންވަރު ޕާޝާގެ ބޮޑުބޭބެ އެވެ. ވަނަމަކަށް މަޝްހޫރު ވެފައި ވަނީ، “ދަ ހީރޯ އޮފް ކޫތް” އެވެ.


އާދެ! އަލްކޫތް (ألكوت) އަކީ، މިހާރުގެ މޮޑަރން ޢިރާޤްގެ ރަށެކެވެ. އަލްކޫތް އޮންނަނީ، ބަގްދާދް އަށް ވުރެ، 100 މެއިލް ދުރުގައި އިރުދެކުނަށް ވާގޮތަށެވެ. ކޫތް ހަނގުރާމައިގާ ގިނަ ކާމިޔާބުތައް ހޯދީ، ޚިލާފަތްގެ ލަޝްކަރުން ނެވެ. އިނގިރޭސި ލަޝްކަރުން ވަރަށް ގިނަ ބަޔަކު ކޯރަށް ގެނބިގެން މަރުވިއެވެ. އެހެނަސް ބަޣްދާދް ހިފުމާ އެކު، ކޫތް ވެސް އިނގިރޭސި ލަޝްކަރުގެ ދަށަށް ވެއްޓި މުޅި ބިލާދުއް ރާދިފީން ގެ މައްޗަށް އިނގިރޭސި ލަޝްކަރު ގަދަވެގެން ދިޔައީއެވެ.


ބަޣްދާދް ހިފުން:


އިސްލާމީ އުންމަތުގެ ވެރިރަށް ތަކުގެ ތެރެއިން، މުހިންމު ރަށެއް ކަމުގައިވާ ބަޣްދާދް ހިފީ، މެސެޕޮޓޭމިއާ ކެންޕޭން ތެރޭގައި ކުރެވުނު ހަނގުރާމަ ތަކުގެ ތެރޭގައި، 11 މަރޗް 1917 ގައެވެ. މިއީ މިކެންޕޭންގެ އެންމެ މުހިންމު އަމާޒެވެ. ބަޣްދާދް ހިފުމުގައި ބްރިޓިޝް އިންޑިއަން އަރމީ އިސްރޯލެއް ކުޅުނެވެ. ކޫތް ވަށާލާއި ނުހިފި ދިއުމުން، އިނގިރޭސި ލަޝްކަރަށް ވަނީ، ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން ރުކުރަވާލާ ފައެވެ. ލީޑަރ އަކަށް ހުރީ، އާ ކޮމާންޑަރ އެއް ކަމުގައިވާ، ލެފްޓިނަންޓް ޖެނެރަލް ސަރ ފްރެޑްރިކް ސްޓޭންލީ މޯޑް (SIR FREDERICK STANLEY MAUDE, 1864 – 1917) އެވެ.

ޖެނެރަލް މޯޑް ބަޣްދާދަށް އެރުން
ޖެނެރަލް މޯޑް ބަޣްދާދަށް އެރުން

ވަރުގަދަ ހަނގުރާމައެއް ހިނގައި، ޢުޘްމާނީ ޚިލާފަތްގެ ލަޝްކަރުން، 15 ހާސް ޢަސްކަރީން ހިފާ ހައްޔަރު ކުރެވުނެވެ. އަދި އޭގެ އެއްހަފްތާ ފަހުން ބަޣްދާދް އިނގިރޭސިންގެ ލަޝްކަރުގެ އަތްދަށަށް ވެއްޓުނީއެވެ. ޖެނެރަލް މޯޑް ބަޣްދާދް އަށް ވަދެ، ކޯއްޓޭގައި ހުރި، ޢުޘްމާނީ ޚިލާފަތުގެ ދިދަ ބާލައި އިނގިރޭސި ދިދަ ނެގީއެވެ.


ފަހެ، ޚަލީލް ޕާޝާ އަށް ޖެހުނީ، ވަރަށް ހިތްވަރު ކުރުމަށް ފަހު، ފަހަތަށް ޖެހި ބަޣްދާދް ހުސްކުރާށެވެ. 9000 ޢުޘްމާނީ ސިފައިން ހިފާ ހައްޔަރު ކުރިއެވެ. 11 މަރޗް 1917 ގައި މާގަދަފަދަ ހަނގުރާމައެއް ނުހިނގައި ބަޣްދާދް ކޮންޓްރޯލް ދަށަށް ގެނެސް ނިންމާ ލީއެވެ. ގަދަޔަށް ހަނގުރާމަ ހިނގީ، 8، 9، 10 މަރޗް ގައެވެ.


އާދެ! ބޮޑު ހަނގުރާމަ ނިމުމާއެކު، ހިފި އެހެން ރަށްތަކަކޭ އެއްގޮތަށް ބަޣްދާދް ވެސް އޮތީ، 1920 ގައި “ކިންގްޑޮމް އޮފް ޢިރާޤް” ގެ ނަމުގައި އިނގިރޭސިން ރަސްކަމެއް އުފެއްދުމާ ހަމައަށް، ބްރިޓިޝް އެޑްމިނިސްޓްރޭޝަންގެ ދަށުން ބަލަހައްޓާ ބިމެއްގެ ގޮތުގައެވެ. އިދާރީ ހުރިހާކަމެއް ބެލެހެއްޓީ، އިނގިރޭސި ލަޝްކަރުން ނެވެ. އެހެނަސް ޢިރާޤް އަކީ، އާދައިގެ ޤައްމެއް ނޫނެވެ. ޤައްމީ ރޫޙް ހުރި ބަޠޮލުންތަކެއް ޒަމާނުއްސުރެ ދިރިއުޅެމުން ގެންދާ ފަސްގަނޑެކެވެ.


އިސްތިޢްމާރު ތަކަށް ގޮތްގޮތް ހަދާލަން އުނދަގޫ ބިމެކެވެ. ޤައްމީ ވަންތަރޫޙްގެ ދަރިން ގިނަކަމުން ނެވެ. ބޮޑު ހަނގުރާމަ ނިމުމާ އެކު ހެން، ޢިރާޤް ތެރޭގައި އެކިއެކި ޤައްމީ ހަރަކާތްތަކާއި ވަޠޮނީ ހަރަކާތްތައް ފެށިގެން ހިނގައި ގެންފިއެވެ. ފުރާތްކޯރާއި ދިޖްލަ ކޯރުގެ އަހްލު ވެރިންނަކީ، އަމިއްލަ ފަސްގަނޑު ދެކެ ލޯބިހުންނަ ވަރަށް ވަރުގަދަ ޤައްމީ ރޫޙެއްގެ އަހްލުވެރި ބައެކެވެ. އަބަދުވެސް އަމިއްލަ މިނިވަން ކަމަށް ލޯބިކުރާ ބައެކެވެ. ޢިރާޤްގެ ކުރުދީންނަކީ ވެސް މިރޫޙްގެ ބައެކެވެ. އަބަދުވެސް އަމިއްލަ ފަސްގަނޑު ދެކެލޯބިވާ ބައެކެވެ.


ފަހެ، އިނގިރޭސިން، ބޮޑު ހަނގުރާމަ ނިންމާފައި، 1919 ގައި ޕްރާންސްގެ ޕެރިހުގައި ބޭއްވި، ޕީސް ކޮންފަރެންސްގެ ނިންމުމާ އެއްގޮތަށް “ކިންގްޑޮމް އޮފް ޢިރާޤް” ގެ ނަމުގައި ރަސްކަމެއް ހަމަޖެއްސީ، މައްކާޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލުން، ޢަބްދުﷲ އެކެއް ގެނެސް ރަސްކަމުގައި ވެޑުވުމަށެވެ. އިނގިރޭސިން މައްކާޝަރީފް ޢާއިލާއަށް ވެފައިވާ، ވައްދުގެ ތަކުގެ ބައިކުޅަބައެއް ނަމަވެސް ފުއްދުމުގެ ގޮތުން، އިނރޭސިން މިކަން ކުރިޔަސް، ޢަބްދުﷲއެކެއް އަށް، ޢިރާޤްގެ ރަސްކަމުގައި ހުންނެވުނީ ވަރަށް މަދުދުވަސް ކޮޅެއް ގައެވެ.


އިނގިރޭސިބާރުން ބަޣުދާދު މިނިވަންކުރުމުގެ ހަރަކާތް:


1918 އިން ފެށިގެން ޢިރާޤް ތެރޭގައި، ސިއްރު ޤައްމީ ހަރަކާތްތައް ފެށި، ސިއްރު ސޮސައިޓީތައް އުފެދި، ޤައްމިއްޔަތު ދިރުވުމުގެ މަސައްކަތްތައް ފެށިގެން ހިނގައި ގަތެވެ. ވަރަށްފޯރިއާއި ޖޯޝްއާ އެކު މިކަންތައް ބާރަށް ކުރިޔަށް ގެންދިޔައެވެ. އިނގިރޭސިންނަށް އޮބިނޯންނަ ވަރަށެވެ. މިފަހަރު، މިހަރަކާތް ކުރިޔަށް ގެންދިޔައީ އިނގިރޭސިން ނާއި އިނގިރޭސިން އުފެއްދައި ދިން ރަސްކަމުގެ، ސަރުކާރާ ދެކޮޅަށެވެ. އެކި ނަންނަމުގައި ޖަމްޢިއްޔާތައް ވުޖޫދު ކުރެވުނެވެ. ޖަމްޢިއްޔަތުލް ނަހްޟަތުލް އިސްލާމިއްޔާ، ނަޖަފް ގައި އުތުރި އެރިއެވެ.


1919 ގައި ޖަމްޢިއްޔަތުލް ވަޠޮނިއްޔަތުލް އިސްލާމިއްޔާ، ބަޣްދާދްގައި އުތުރި އެރިއެވެ. އަދި ކަރްބަލާ އާއި އަލްކޫތް ގައި، ޙިރާސުލް އިސްތިޤްލާލް، ނަމުގައި ވަޠޮނީ ހަރަކާތްތައް ފެށި ހިނގައި ގަތެވެ. އަދި، ޝީޢީންނާއި ސުންނީންގެ އުސްތާޛުންތައް އިސްކޮށް ތިބެ، އެކަތިގަނޑަކަށް ވެގެން، 1920 ގައި ޘައުރަތުލް ޢިރާޤިއްޔާތުލް ކުބުރާ (GREAT IRAQI REVOLUTION) ގެ ނަމުގައި ވަރަށް ގަދަފަދަ ބާރުހުރި ހަރަކާތެއް، އިނގިރޭސިންނާ ދެކޮޅަށް މިނިވަން މުސްތަޤިއްލު ޢިރާޤެއް ބިނާކުރުމަށް މަސައްކަތް ފަށައިގަތީއެވެ.


އިނގިރޭސިންނާ ދެކޮޅަށް، އިދިކޮޅު ހަރަކާތްތައް އުތުރިއެރި ސަރަހައްދުތައް
އިނގިރޭސިންނާ ދެކޮޅަށް، އިދިކޮޅު ހަރަކާތްތައް އުތުރިއެރި ސަރަހައްދުތައް

ފަހެ، މިހާ ހިސާބުން، ޢަބްދުﷲ އެކެއްގެ ރަސްކަން ބަލިކަށިވެ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ނިމުމަކަށް އަތުވެއްޖެ އެވެ. އެހެނަސް އިނގިރޭސި އިންޑިއާ ސިފައިންގެ އެހީގައި މިދުވަސްވަރު، ޢިރާޤް ބަލަހައްޓައި ދެމުން ގެންދިޔައީ ސިދާ އިނގިރޭސިން ނެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ފޯރދަ ކޮލޮނީސް، ވިސްޓަން ޗަރޗިލް ގެ އޯޑަރަށް، 1921 ގައި ރޮޔަލް އެއަރފޯރސް މަތިންދާ ބޯޓްތަކުން ކެމިކަލް ހަތިޔާރުތައް ވެސް ބޭނުން ހިފާފައި ވެއެވެ.


ފަހެ، ދާޚިލީ މި ހަމަނުޖެހުމުގެ ދުވަސްވަރު، 1920 ގައި ހިތްވަރުގަދަ ކުރްދިސްތާން ގައި، ވަޠޮނީރޫޙް އުފެދި އުތުރިއަރާއި ޢިރާޤްގެ އުތުރުގައި އަމިއްލަ މިނިވަން ދައުލަތެއް، ކުރްދިސްތާން ގެ ނަމުގައި ވުޖޫދަށް ގެނެސް، މަޙްމޫދް ބަރްޒަންޖާނީގެ ރަސްކަމެއް، “ކުރްދިސްތާން ދައުލަތް” ގެ ނަމުގައި ވުޖޫދަށް ގެނައެވެ.


ޢިރާޤް ތެރޭގައި މިފަދަ ދެކޮޅުވެރިކަމާއި ދާޚީލީ ހަމަނުޖެހުން ތައް، 1920 ގެ އޮކްޓޯބަރ އާހަމައަށް ގަދަޔަށް ހިނގަމުން ދިޔައެވެ. އެހެނަސް އިނގިރޭސިން ކޮންޓްރޯލް ކޮށް، އަނެއްކާވެސް މައްކާޝަރީފް ޙުސައިންގެ ތިންވަނަ ދަރިކަލުން، ފައިޞަލް އެކެއް އައި ޢިރާޤްގެ ރަސްކަން ހަވާލުކުރީއެވެ.


މިކަން ހިނގީ، 1921 އޯގަސްޓް ގައެވެ. ދެންވެސް ޢިރާޤް މަޑުން އޮތީކީ ނޫނެވެ. ހާޝިމީ ދަރިކޮޅުގެ، ފައިޞަލްގެ ރަސްކަން ގެންދެވުނީ ތިން ދަރިކޮޅާ ހަމައަށެވެ. އެއަށް ފަހު ޢިރާޤްގައި އިނގިރޭސިން ބިނާކޮށް ދިން ހާޝިމީ ދަރިކޮޅުގެ ވެރިކަން ހަފުސްކޮށް މުޅިން ނެތިކޮށްލީ، ޢިރާޤްގެ މިނިވަން ދަރިންކަމުގައި ޢިރާޤީ ބަޠޮލުން ނެވެ.


މިއަދުވެސް ޢިރާޤްއިން މިފެންނަނީ، އެދުވަސްވަރު ފެނިގެން ދިޔަކަހަލަ މަންޒަރުތަކެވެ. ކުރްދިސްތާން ވަކި ބާރެއްގެ ގޮތިގައި އޮތްތަނެވެ. އެހެން ހިސާބުގައި ވެސް މިނިވަންވުމުގެ ރޫޙް ދިރިފައިވާ ތަނެވެ.


އާދެ! ޢިރާޤްއަކީ، ގިނަ ޢަދަދަކަށް ކިޔަވައިގެންތިބި ސިފައިންނާއި ޤައްމީރޫޙްގެ ޒުވާންދަރިން ގިނަ ޤައްމެކެވެ. ސިފައިންނާއި ދަންނަބޭކަލުން ނާއި ޓީޗަރުންނާއި ގިނަ ތަނަކަށް ވާތީ، އެއްގޮތަކަށް ވެސް، އިނގިރޭސި އިސްތިޢްމާރުގެ ދަށުގައި އޮންނާކަށް ބޭނުމެއް ނުވެއެވެ. ވީމާ ހިނދު ހިނދުކޮޅުން ހަނގުރާމަ ގަދަވަނީ އެވެ.


ފަހެ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް، ޙިޖާޒު ކަރައިގެ ޢަރަބިން ލައްވާ، ހިންގުވި ޢަރަބި ހަނގުރާމަ އަށް ވުރެ، މިކަމުގައި އިނގިރޭސިންގެ އަތުންދާ ޚަރަދު ބޮޑުވުމުން، އިނގިރޭސިން، މިޞްރުގެ ވެރިރަށް، ކައިރޯގައި، 1921 މަރޗް ގައި ކޮންފަރެންސް އެއް ބާއްވައި، ޢިރާޤްއަށް ދާޚިލީ މިނިވަންކަން ދީފައި، މައްކާޝަރީފް ޙުސައިންގެ ތިންވަނަ ދަރިކަލުންނަށް ރަސްކަންދީ މިޚަރަދުތައް ކުރުން، މިހާ ހިސާބުން ހުއްޓާލީ އެވެ.


ދެން ވާނެ އެއްޗެއްވެ، ފައިޞަލްގެ ކާފަދަރިކަލުން ފައިޞަލް ދޭއް ޢިރާޤްގެ ރަސްކަމުގައި ހުންނަވަނިކޮށް، 1958 ގެ އިންޤިލާބްގައި މުޅި ހާޝިމީ ދަރިކޮޅު އެކީގައި އެއްކޮޓަރި އަކަށް ވެއްދުމަށް ފަހު، ބަޑިޖަހައި ޢިރާޤްގެ ވެރިކަމުން ހާޝިމީ ދަރިކޮޅުގެ އެޢާއިލާގެ ވަސް މުޅިން ކަނޑުވާލީ އެވެ.


އިނގިރޭސިން ޢިރާޤްގައި އުފައްދައިދިން ހާޝިމީ ވަންހައިގެ ވެރިކަން އެހިސާބުން ނެތިގެން ދިޔައީއެވެ. މިޢާއިލާ އެކުގައި މަރާ ނިންމާލި އިރު، އެކަންކުރި ޢަސްކަރީން ތެރޭގައި ޒުވާން، ޞައްދާމް ޙުސައިން، ތާޒާ ލޭގެ ޒުވާނެއްގެ ގޮތުގައި ހުންނެވިއެވެ. މިދެކެވެނީ، 1958 ގެ ވާހަކަ އެވެ. މާކުރީގެ ވާހަކަތަކެއް ނޫނެވެ.


ފަހެ، އިނގިރޭސިންގެ ގޮނޑިކޮއްކޮ، ފައިޞަލް އެކެއްގެ ބަލިކަށި ރަސްކަން ޢިރާޤްގައި ދެމިގެން ދިޔަ ގޮތަކީ، މިއެވެ. 23 އޯގަސްޓް 1921 އިން ފެށިގެން، 8 ސެޕްޓެންބަރ 1933 އަށް، ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ. 8 ސެޕްޓެންބަރ 1933 އިން ފެށިގެން، 4 އެޕްރީލް 1939 އަށް، ފައިޞަލް އެކެއް ގެ ދަރިކަލުން، ޣާޒީ ބިން ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ.


4 އެޕްރީލް 1939 އިން ފެށިގެން، 14 ޖުލައި 1958 އަށް ޣާޒީގެ ދަރިކަލުން، ފައިޞަލް ދޭއް ބިން ޣާޒީ ބިން ފައިޞަލް އެކެއް ބިން ޙުސައިން ބިން އަލީ ހުންނެވިއެވެ. އިނގިރޭސިން ޢިރާޤްގައި މައްކާޝަރީފް ޢައިލާއަށް އުފައްދައިދިން ހާޝިމީ ދަރިކޮޅުގެ ގޮނޑިކޮއްކޮ ވެރިކަން މިހާ ހިސާބުން ޚަތިމްކޮށްލީ، ފައިޞަލް ދޭއްގެ މުޅި ޢައިލާ އެކުގައި މަރާލާއި ނެތިކޮށްލުމަށް ފަހު، ގެނެވުނު އިންޤިލާބްގައި، ރިޕަބްލިކް އޮފް ޢިރާޤް ދުނިޔެއަށް އުފަންވެގެން ނެވެ.


އާދެ! އިނގިރޭސި އިސްތިޢްމާރުން ނެއްޓިގެންވާ، މިނިވަން މުސްތަޤިއްލު ދައުލަތެއް ޢިރާޤްގައި، ޤައްމީ ބަޠޮލުން ނުކުމެ އުފަންކުރީއެވެ. މިނިވަން ޢިރާޤް އެއް އުފެއްދުނީއެވެ. މިހާ ހިސާބުން ޒުވާން އަސްކަރީ ލީޑަރެއް ކަމުގައިވާ، ޞައްދާމް ޙުސައިން ނިސްބަތްވާ، ޢިރާޤްގެ ޢަސްކަރިއްޔާ އަށް ވެރިކަން ލިބުނީއެވެ. އިނިރޭސިން ނާއި އިނގިރޭސިން އުފެއްދި ހާޝިމީ ވަންހައިގެ ޢަރަބިންގެ ދަރިކޮޅު އެއްކޮށް ވެރިކަމުގެ ދާއިރާއިން ނައްތާލެވުނީ އެވެ.


14 ޖުލައި 1958 ގައި، ޢިރާޤްއަށް ގެނެވުނު އިންޤިލާބްގެ ވެރިއަކީ، އަދި ރިޕަބްލިކް އޮފް ޢިރާޤްގެ ރައީސް އަކީ، މުޙައްމަދު ނަޖީބް އަލްރުބައިޢީ (MOHAMMAD NAJIB AR RUBAI, 1904 – 1965) އެވެ. ސާދަ ޖުލައިގެ އިންޤިލާބްގެ ބައިވެރިއަކީ، ފުރަތަމަ ބޮޑު ވަޒީރު، ޢަބްދުލްކަރީމް ޤާސިމް (ABDUL KARIM QASIM, 21 NOV 1904 – 9 FEB 1963) އެވެ. ޕްރައިމިނިސްޓަރ ޢަބްދުލްކަރީމް ޤާސިމް އަށް، 7 އޮކްޓޯބަރ 1959 ގައި ޤާތިލާނާ ޙަމަލާއެއް، އޭރު ޢުމުރުން އެންމެ، 20 އަހަރުގެ ޞައްދާމް ޙުސައިން ދިނެވެ.


އަބްދުލްކަރީމް ގާސިމް (ފުރަތަމަބޮޑުވަޒީރު)
އަބްދުލްކަރީމް ގާސިމް (ފުރަތަމަބޮޑުވަޒީރު)

އެހެނަސް އެޙަމަލާއިން ޢަބްދުލްކަރީމް ޤާސިމް ސަލާމަތްވީއެވެ. މިޖުމްހޫރިއްޔާ ގައި ވެސް ވެރިރަށަކީ، ފަޚުރުވެރި ބަޣްދާދް އެވެ. ވެރިކަމުގެ ވައްތަރަކީ، މިލިޓްރީ، އަދި އެއްޕާޓީ ސަޔާސަތުގެ ނިޒާމް އެވެ. ވެރިކަން ހިންގަނީ، މިލިޓްރީ ކައުންސިލް އަކުންނެވެ. ޤައްމުގެ ރައީސް އަކީ، އެކައުންސިލްގެ ވެސް ރައީސްއެވެ. މުޙައްމަދު ނަޖީބް އަށް، ރައީސް ކަމުގައި ހުންނެވުނީ، 14 ޖުލައި 1958 އިން ފެށިގެން، 8 ފެބްރުއަރީ 1963 އަށެވެ. 1963 ގައި ގެނެވުނު ރަމަޟާން އިންޤިލާބްގައި މަރާލެވެން ދެނެވެ.


އާދެ! ފުރަތަމަ ބޮޑު ވަޒީރު، ޢަބްދުލްކަރީމް ޤާސިމް، އޮފީހުގައި އިންނެވީ، 14 ޖުލައި 1958 އިން ފެށިގެން، 8 ފެބްރުއަރީ 1963 އަށެވެ. ފަހެ، 14 ޖުލައި އިންޤިލާބްގައި އިސްކޮށް އުޅުއްވި، މުޙައްމަދު ނަޖީބް އާއި ޢަބްދުލްކަރީމް ޤާސިމް އަކީ، އިނގިރޭސިން ޢިރާޤްގައި ޤައިމްކުރި ހާޝިމީ ދަރިކޮޅުގެ ރަސްކަން ނިމުމަކަށް ގެނެސް ޖުމްހޫރީ ވެރިކަމެއް، ޢިރާޤްއަށް ގެނެސްދިން ދެލީޑަރުންނެވެ. ވަރަށް ޤައްމީ ވަންތަ، ވަޠޮނީ ޚިޔާލްގެ ދެބޭފުޅުން ނެވެ. ޢަސްކަރީ ޖެނެރަލުން ނެވެ. 14 ޖުލައި އިންޤިލާބް ލީޑްކޮށްދިން، ދެމީހުންނާ އެކު، ގިނަ ޢަދަދެއްގެ މިނިވަން ޚިޔާލްގެ ޢަސްކަރީން ބައިވެރިވިއެވެ.


ފަހެ، ޢަސްކަރީ މިގްރޫޕް މަޝްހޫރު ވެފައިވަނީ، ފްރީ އޮފިސަރސް ގެ ގޮތުގައެވެ. ޤާސިމް އާއެކު ނަގާކިޔުމުގައި، އަބްދުއްސަލާމް ޢާރިފް ވެސް އުޅުއްވި އެވެ. ޤާސިމް އެކޭ އެއްގޮތަށް، ޢާރިފް އަކީ ވެސް، ޢިރާޤް ފްރީއޮފިސަރސް ޓީމުގެ މެމްބަރެކެވެ.


އަބްދުއްސަލާމް އާފިފް  އާއި އަބްދިލްކަރީމް ގާސިމްް
އަބްދުއްސަލާމް އާފިފް އާއި އަބްދިލްކަރީމް ގާސިމްް

ވަރަށް އެކުވެރިކަމުން ގާތް ޢަސްކަރީ ދެ ޖެނެރަލުންނެވެ. ޢާރިފް އަކީ، ޢަރަބި އިސްރާއީލީ ކޮންފްލިކްޓް ގައި، ޢިރާޤްގެ ޢަރަބި ލަޝްކަރުގެ ފީލްޑްމާޝަލްކަން ކުރެއްވި ލީޑަރއެވެ. އަދި ޤާސިމް އާ އެކު، ޢިރާޤްގައި އިނގިރޭސިން އުފައްދައިދިން ހާޝިމީ ރަސްކަން ނަންތާލުމުގައި އިސްކޮށް ޢަމަލީ ގޮތުން އުޅުއްވި ޢަސްކަރީ ވެރިއެކެވެ.


އަދި، 14 ޖުލައި އިންޤިލާބް އަށް ފަހު، ޢިރާޤްގެ އާ ސަރުކާރު ގައި ޤާސިމްގެ އެހީތެރިއެއްގެ ގޮތުގައި ވަރަށް ކައިރީގައި ބެހެއްޓެވި ބޭފުޅެކެވެ. ޑެޕިއުޓީ ޕްރައި މިނިސްޓަރ ކަމާއި އިންޓީރިއަރ މިނިސްޓަރ ކަމާއި ޢިރާޤްގެ އަރމީ ފޯރސަސްގެ ޑެޕިއުޓީ ކޮމާންޑަރ އިންޗީފްކަން ދެއްވި ބޭފުޅާއެވެ. ވީމާ ގާސިމާއި އާރިފަކީ ގައުމީ ދެބަތޮލުންނެވެ. ދެއެކުވެރިންނެވެ.


އެހެނަސް، ފަހުން މައްސަލަތައް އުތުރި އަރައި ދެމީހުންގެ ގުޅުން މުޅިން ގޯސްވީއެވެ. ޤާސިމް އަކީ، ވަރަށް ޢިރާޤީވަންތަ ޤައުމީ އަދި ވަޠޮނީ ފިކްރުގެ ބޭފުޅެކެވެ. ޢަބްދުއްސަލާމް ޢާރިފް އަކީ، ވަރަށް ޕޭން ޢަރަބިސްޓް (PAN – ARABIST) ފިކްރުގެ ލީޑަރއެކެވެ. ތަފާތު ދެފިކްރު އެއްގަލަށް ނާރާއި އެކުނުވުމުގެ ސަބަބަކަށްވީ، މިދެބޭފުޅުންގެ މެދުގައި ދެކޮޅުވެރިކަމުގެ ދުޝްމަނީ އުފެދުމެވެ. ޢާރިފް އަކީ، ޢަރަބި ވަޙްދަތެއް އަރަބިންގެ މެދުގައި އޮތުމަށް ބޭނުންވާ ބޭފުޅެކެވެ.


މިޞްރުގެ ޖަމާލް އަބްދުއްނާޞިރަށް ތާއީދުކުރާ ބޭފުޅެކެވެ. ޤާސިމްގެ ވިސްނުން ހުރީ، ޢިރާޤްގެ ވަޙްދަތަށް އެކަންޏެވެ. މިޞްރުގެ ޖަމާލް ޢަބްދުއްނާޞިރު އިސްކޮށް ހުންނަވައިގެން ސޫރިޔާ އާއި މިޞްރް އާ ގުޅިގެން ޢަރަބި ވަޙްދަތެއް އުފެދިގެން ދިޔައީ މިދުވަސްވަރު އެވެ.


ޢާރިފް އަކީ، ޖަމާލް ޢަބްދުއްނާޞިރުގެ މަސައްކަތުން މިޞްރު އާއި ސޫރިޔާ އައި ގުޅިގެން އެކުލަވާ ލެވުނު، ޔުނައިޓެޑް އެރަބް ރިޕަބްލިކް، ޔޫއޭއާރ (UNITED ARAB REPUBLIC – UAR) އަށް، ޢިރާޤްގެ ފަރާތުން ތާއީދު ދެއްވި ބޭފުޅެކެވެ. މިވަޙްދަތުގައި ޢިރާޤްގެ ބައިވެރިވުން ބޭނުންވި ބޭފުޅެކެވެ.


ފަހެ، ސިޔާސީ ގޮތުން މިކަންތައް ގަނޑު ބޮޑުވެ ޤައުމީ ސިޔާސީ ކަމަކަށް ބަދަލުވުމުން، އެންމެފަހުން ޤާސިމް ހެއްދެވި ގޮތަކީ، ސަރުކާރުގެ ހުރިހާ އިސްމަޤާމް ތަކަކުން، 12 ސެޕްޓެމްބަރ 1958 ގައި، ޢާރިފް ވަކި ކުރައްވާފައި ޖަރމަންގެ ބޮން ގައި ހުންނަވާ ޢިރާޤްގެ އެމްބެސެޑަރ ކަމުގައި، ފޮނުއްވައި ލެއްވީއެވެ. ރީތިކޮށް ޤައުމުން ބޭރުކޮށް ލެއްވީއެވެ.


އެހެނަސް އެމަޤާމުން އިސްތިޢްފާ ދިނުމަށް ފަހު، ޢާރިފް އެނބުރި ޢިރާޤަށް، 4 ނޮވެންބަރ 1958 ގައި އައުމުން ސަރުކާރާ ދެކޮޅު މައްސަލަ ތަކެއްގެ ތުހުމަތުގައި ބަންދުވެ ޖަލަށް ލެވި، 1959 ފެބްރުއަރީ ގައި ޖަލަށް ލުމަށް، ޙުކުމް ކުރެވުނެވެ. އެހެނަސް، 1961 ނޮވެންބަރ ގައި ޢާރިފް މިނިވަންކޮށް ދޫކޮށް ލެއްވީ، ވެސް ޤާސިމް އެވެ.


ދެން ފަހެ، 1962 ހިސާބުގައި ޤާސިމްގެ ވެރިކަން ބަލިކަށިވެ، ޢިރާޤްގައި ބަޢަޘްޕާޓީ ހަރަކާތަށް ގެނެސް ވަރުގަދަ ވެގެން ދިޔައެވެ. އަދި، ޢިރާޤް އަރމީ ފޯރސަސް ތެރޭގައި ޕޭން އަރަބިސްޓް ގްރޫޕެއް އުފެދި، ބަޢަޘްޕާޓީގެ އަރމީ ޔުނިޓަކުން، 8 ފެބްރުއަރީ 1963 ގައި ގެނެވުނު ރަމަޟާން އިންޤިލާބްގައި، ޤާސިމް އަވަހާރަކޮށް ލުމަށް ފަހު، ފުރަތަމަ ފަހަރަށް ބަޢަޘްޕާޓީ އަށް ވެރިކަން ލިބިގަތީއެވެ.


މިއިންގިލާބީ ފޮރޮޅާލުން ގެނައި، ޢިރާޤީ ރިވޮލިއުޝަނަރީ ކޮމާންޑް ކައުންސިލް (IRAQI REVOLUTIONARY COMMAND COUNCIL) އިން ވަނީ، މިކައުންސިލްގެ ރައީސް އަކީ، ޢަބްދުއްސަލާމް މުޙައްމަދު ޢާރިފް ކަމުގައި މާކުރިން ހަމަޖައްސައި ނިންމާފަ އެވެ. ފަހެ، ޒުވާން ޞައްދާމް ޙުސައިން އަކީ، އޭރު ސިފައިންގެ ސޯލްޖަރެއްގެ ހައިސިއްޔަތުން އިސްރޯލް އެއް ކުޅުއްވި ކުޅަދާނަ، ހުނަރުވެރި ޒުވާން ޢަސްކަރީ ލީޑަރ އެކެވެ.


އާދެ! ބަޢަޘްޕާޓީގެ ނަމަކީ، ޙިޒްބުލް ބަޢަޘުލް ޢަރަބިއްޔިލް އިޝްތިރާކިއްޔި (ARAB SOCIALIST BA’ATH PARTY) އެވެ. ފުރަތަމަ ބިންގާ އެޅުނީ، 1947 ގައި ސޫރިޔާގައެވެ. ދެން ޢިރާޤް އަށް ފެތުރި  އެކި ޤައުމުތަކަށް ގޮފިތައް ބެހިގެން ދިޔައީއެވެ. އެހެނަސް ސިޔާސީ ނުފޫޒާއި ބާރާ އެކު، މިޕާޓީ ހަރަކާތްތެރި ވަނީ، ޢިރާޤް އާއި ސޫރިޔާ ގައި އެކަންޏެވެ.


ފަހެ، ޢިރާޤްގެ ރަމަޟާން އިންޤިލާބް އަކީ، 1963 ފެބްރުއަރީ 8 އިން ފެށިގެން، 10 ވަނަ ދުވަހަށް ހިންގުނު ޢަސްކަރީ ވަރުގަދަ އިންޤިލާބް އެކެވެ. ދެން އެއަށް ފަހު، ވެރިކަމަށް އެރީ، ބައަޘްޕާޓީގެ އިސް ލީޑަރ އަދި ޢަސްކަރީ ބޭފުޅެއް ކަމުގައިވާ، ޢަބްދުއްސަލާމް ޢާރިފް އެވެ.


ޖުމްހޫރީ އިރާގުގެ ދެވަނަ ރައީސް އަބްދުއްސަލާމް އާރިފް 1960ގެ އަހަރުތަކުގެ ތެރޭގައި
ޖުމްހޫރީ އިރާގުގެ ދެވަނަ ރައީސް އަބްދުއްސަލާމް އާރިފް 1960ގެ އަހަރުތަކުގެ ތެރޭގައި

ފަހެ، މޮޑަން އިރާޤްގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޢަބްދުއްސަލާމް މުޙައްމަދު ޢާރިފް އަލްޖުމައިލީ (21 MAR 1921 – 16 APR 1966) އެވެ. އޮފީހުގައި އިންނެވީ، 8 ފެބްރުއަރީ 1963 އިން ފެށިގެން، 13 އެޕްރީލް 1966 އަށެވެ. އަވަހާރަވީ، 13 އެޕްރީލް ގައެވެ. މަރުވިއުރު ޢުމުރު ފުޅަކީ، 45 އަހަރެވެ. މަރުވާން ދިމާވީ، ޢިރާޤީ ރޮޔަލް އެއަރފޯރސް، (ޕީއެފް 392) ނަންބަރުގެ، ޑީއެޗް.104 ޑޯވް މަތިންދާ ބޯޓެއްގައި ދެކުނު ޢިރާޤްމަތިން ދަތުރެއްގައި އުޅުއްވަނިކޮށް ކްރޭޝް ވެގެންނެވެ.


ދެން ޢިރާޤްގެ ވެރިކަމަށް ގެނެވުނީ، ޢަބްދުއްސަލާމްގެ ބޭބެ، ޢަބްދުއްރަޙްމާން އެވެ. ފަހެ، ޢަބްދުއްރަޙްމާން ރައީސް ކަމުގެ ހުވާ ކުރައްވަން ދެން، 3 ދުވަހު ވަގުތީގޮތުން ވެރިކަމުގައި ހުންނެވި ވަގުތީ ރައީސްއަކީ، ޢަބްދުއްރަޙްމާން އަލްބައްޛާރު (1913 – 1973) އެވެ. އޮފީހުގައި އިންނެވީ، 13 އެޕްރީލް 1966 އިން ފެށިގެން، 16 އެޕްރީލް 1966 އަށެވެ.


ފަހެ، ޢިރާޤްގެ ތިންވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޢަބްދުއްރަޙްމާން މުޙައްމަދު ޢާރިފް އަލްޖުމައިލީ (1916 – 2007) އެވެ. އޮފީހުގައި އިންނެވީ، 16 އެޕްރީލް 1966 އިން ފެށިގެން، 17 ޖުލައި 1968 އަށެވެ. 17 ޖުލައި ގައި ރައީސް އަވަހާރަ ފުޅުގައި އޮންނަވަނި ކޮށް، އެވެރިކަން ނިމުމަކަށް ގެނައީ، އަޙްމަދު ޙަސަން އަލްބަކްރުގެ ޤިޔާދަތުގެ ދަށުން ގެނެވުނު ލޭއޮހެރުމެއް ނެތް، ޢަސްކަރީ ހިނމޭން އިންޤިލާބަކުން ނެވެ.


ތިންވަނަ ރައީސް އަބްދުއްރަހްމާނު އަލްޖުމައިލީ
ތިންވަނަ ރައީސް އަބްދުއްރަހްމާނު އަލްޖުމައިލީ

ރޭޑިޔޯސްޓޭޝަން އާއި މިނިސްޓްރީ އޮފް ޑިފެންސް ޢަސްކަރީން ވަށާލުމަށް ފަހު، ޑިފެންސް މިނިސްޓަރ ރައީސް އަށް ފޯން ކުރައްވާފައި މިހާރު ރައީސްއަކީ މަނިކުފާނު ނޫންކަމުގައި ދެންނެވީއެވެ. އަދި އެއަށް ފަހު، ޢަބްދުއްރަޙްމާން ޢާރިފް، ތުރުކީ އަށް ޞުލްޙަ ވެރިކަމުގައި ފޮނުވާ ލެވުނީއެވެ.


1979 ގައި ޞައްދާމްގެ ވެރިކަމުގައި ހުއްދަ ލިބިގެން އަނބުރާ ޢިރާޤަށް ވަޑައިގެން، ރީތި ޝަރަފްވެރި ދިރިއުޅުމެއް އުޅުއްވިއެވެ. އަދި ޞައްދާމް އައި ދެކޮޅަށް އެމެރިކާނުން، 2003 ގައި ޢިރާޤަށް އެރުމުން، ޖޯރްޑަން، އައްމާން އަށް ވަޑައިގެން އެރަށުގައި ހުންނަވައި، 24 އޯގަސްޓް 2007 ގައި އަވަހާރަވީ އެރަށުގައެވެ.


ފަހެ، ޢިރާޤްގެ ހަތަރުވަނަ ރައީސުލް ޖުމްހޫއްރިއްޔާ އަކީ، އަޙްމަދު ޙަސަން އަލްބަކްރު (1914 – 1982) އެވެ. އޮފީހުގައި އިންނެވީ، 17 ޖުލައި 1968 އިން ފެށިގެން، 16 ޖުލައި 1979 އަށެވެ. އަލްބަކްރު އަކީ، ޢިރާޤީ ރިވޮލިއުޝަނަރީ ކައުންސިލް (އާރސީސީ) ގެ ޗެއަރމަން އެވެ. އަދި ޤައްމުގެ ރައީސް ކަމާއި ބޮޑު ވަޒީރު ކަމާވެސް ހަވާލުވެލެއްވީ، އަމިއްލައަށެވެ.

ހަތަރުވަނަ ރައީސް އަހްމަދު ހަސަން އަލްބަކްރު
ހަތަރުވަނަ ރައީސް އަހްމަދު ހަސަން އަލްބަކްރު

އަދި އާރސީސީގެ ވައިސް ޗެއަރކަން ދެއްވީ، ޞައްދާމް ޙުސައިން އަށެވެ. ފަހެ، 2003 ގައި އެމެރިކާނުން ޢިރާޤަށް އަރައި ހިފަންދެން މިކައުންސިލް ދެމިއޮތެވެ. ފަހެ، ޚާރިޖީ ސިޔާސަތަކީ، ޖަމާލް ޢަބްދުއްނާޞިރުގެ ޔުނައިޓަޑް އަރަބް ރިޕަބްލިކް އައި ގާތް ގުޅުމެއް ބޭއްވުމެވެ. އެހެނަސް ރަސްމީކޮށް ބައިވެރިއެއް ނުވެއެވެ.


ފަހެ، ޢިރާޤްގެ ފަސްވަނަ ރައީސުލް ޖުމްހޫރިއްޔާއަކީ، ހިތްވަރުގަދަ ޤައުމީބަޠޮލް ޞައްދާމް ޙުސައިން (28 APR 1937 – 30 DEC 2006) އެވެ. ފުރިހަމަ ނަމަކީ، ޞައްދާމް ޙުސައިން ޢަބްދުލްމަޖީދް އަލްތިކްރީތީ އެވެ. އޮފީހުގައި އިންނެވީ، 16 ޖުލައި 1979 އިން ފެށިގެން، 9 އެޕްރީލް 2003 އަށެވެ. އެމެރިކާނުން، ޢިރާޤަށް އަރައި ޢިރާޤްގެ ވެރިކަން ފޭރިގަނެ ޖަހައިގަންނަން ދެން، ސާބިތުކަމާ އެކު ޞައްދާމް ޙުސައިން ޤައްމައިގެން ކުރިޔަށް ދިއުމުގައި ދެމިހުންނެވި އެވެ.


ފަސްވަނަ ރައީސް ސައްދާމް ހުސައިން
ފަސްވަނަ ރައީސް ސައްދާމް ހުސައިން

އެމެރިކާއިން އިނގިރޭސިންނައި ގުޅިގެން، 2003 ގެ އިންވޭޝަން އޮފް އިރާކް، 19 މަރޗް އިން ފެށިގެން، 1 މެއި 2003 އަށް ކުރިޔަށް ގެންދިޔައެވެ. ފަހުން ޢިރާޤް ވޯރ އަށް ބަދަލުވީއެވެ. ޢިރާޤް ހަނގުރާމަ، 20 މަރޗް 2003 އިން ފެށިގެން، 15 ޑިސެމްބަރ 2011 އަށް ކުރިޔަށް ގެންދިޔައެވެ. ނަތީޖާއަކީ، މުޅި ޢިރާޤް ހިފައި ޞައްދާމް އަތުލުމަށް ފަހު، ދަންޖައްސައި މަރާލުމެވެ. އަދި މުޅި ޢިރާޤް ސުންނާފަތިކޮށް އެބިމުގެ މުއްސަނދި ކަމުގެ މައްޗަށް ވެރިވެ އިސްތިޢްމާރް ކުރުމެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page