އަދުގެ އިސްލާމީދުނިޔެ، 1914 އިން 2014 އަށް! (ތިންވަނަބައި)
- ilyashusein
- 1 day ago
- 24 min read
*އެމެރިކާއިން، ޢިރާޤް އިސްތިޢްމާރު ކުރުން:
*ޤުދުސް ހިފުން:
*ސޫރިޔާ އާއި ދަމިޝްޤް ހިފުން:
*ސޫރިޔާގެ ދާޚިލީ ހަނގުރާމަ:
*ދާޢިޝް އުފެއްދުން:
*ޢަލަވީން:
*ޕެރިސް ޕީސް ކޮންފަރެންސް:
*އެމެރިކާގެ ދައުރު:
އެމެރިކާއިން، ޢިރާޤް އިސްތިޢްމާރު ކުރުން:
ދުނިޔޭގެ ސްޕަރޕަވަރ ކަމުގައިވާ، އެމެރިކާ އަކީ، ޞައްދާމް ޙުސައިން އަށް ވެރިކަމުގެ ބާރުތައް ވަރުގަދަކޮށްދީ ކޮމިއުނިޒަމް (COMMIUNISM) ފިކުރުގެ މީހުންނާ ދެކޮޅަށް އޭނާލައްވައި ގިނަގުނަ ކަންތަކެއް ކުރުވި ފަރާތެކެވެ. އަދި ޝީޢީން ފިކުރެއްގެ ގޮތުގައި އީރާނުގައި ބާރަކަށް ވަމުންދާތީ އެފިކުރާ ދެކޮޅަށް ވެސް ޞައްދާމް ލައްވައި ގިނަގު ނަކަންކަން ކުރުވި ފަރާތެކެވެ.
އީރާންގެ މުސްލިމުންނާ ދެކޮޅަށް ޞައްދާމް ލައްވައި ދިގު ހަނގުރާމައެއް ކުރުވީވެސް އެމެރިކާ އަޑީގައި އޮވެގެން ހަތިޔާރާއި ވާގިދީގެންނެވެ. އަލްޤާޢިދާ އާއި ދާޢިޝްގެ ހަނގުރާމަވެރިން ދުނިޔެއަށް ނެރުމުގެކުރިން އެމެރިކާއިން އެންމެ ފުރަތަމަ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުވީ ޞައްދާމް ލައްވައެވެ. މިތަޖްރިބާއަށް ފަހު، އަލްޤާއިދާ އާއި ދާޢިޝް އަކީވެސް އެމެރިކާގެ ސިއްރު އުފެއްދުމެކެވެ. ދާޢިޝްގެ ވާހަކަ ފަހުން ގެންނާނަމެވެ. އިންޝާﷲ!
އެހެނަސް ޞައްދާމް އަކީ، އިސްލާމީ ޢަޤީދާގެ ބަތޮލަކަށްވެފައި ސުންނީފިކުރުގެ ގަދަފަދަ ލީޑަރަކަށް ވުމާއި، ތެލުގެ މުއްސަނދިކަމުން ކުރިއަރަމުން އަންނަ ބާރަކަށް ވުމާއި، އަދި ޒައޮނިޒަމް ފިކުރައި މުޅިން ދެކޮޅު ބަތޮލެއްކަން އެމެރިކާއަށް ޔަޤީންވުމާ އެކު، ޞައްދާމްއައި ފާޅުގައި ދެކޮޅުހެދީއެވެ.
އަދި ޢިރާޤްގެ ތެލުގެ މުއްސަނދިކަން ޞައްދާމް ޒައޮނިޒަމް ފިކުރައި ދެކޮޅަށް ބޭނުންކުރުމުގެ ކުރިން އެސަރަޙައްދުގެ ތެލުގެބާރު އަތުލައިގަތުމުގެ ދަހިވެތިކަމުގައި އެމެރިކާ އިސްކޮށް އޮވެގެން، އިނގިރޭސިން ނާއި އެހެން ބައެއް ޤައްމުތަކުގެ ޢަސްކަރީ އެހީއާ އެކު، ޞައްދާމް ޙުސައިން އައި ދެކޮޅަށް ހަނގުރާމަ ފެށީއެވެ.
ސަބަބަކަށް ހެދީ ނިއުކްލިއާ، ކެމިކަލް، ރޭޑިއޮލޮޖިކަލް، އަދި ބައިލޮޖިކަލް ވެޕަންސް އުފެއްދި ކަމުގެ ތުހުމަތެވެ. އެހެނަސް އަދިއަދަށް ވެސް އިރާގުން އެބުނާ ވެޕަން އޮފް މާސް ޑެސްޓްރަކްޝަން (ޑަބްލިއޫނ އެމް ޑީ) އެއް ފެނިފައެއް ނެތެވެ. މިތުހުމަތަކީ އިރާގު ހަފުސްކޮށް ލުމަށް އީޖާދު ކުރި ހަގީގަތެއް ނެތް ބަހަނާއެކެވެ. އަދި ނަސްލެއް އެކުގައި ނައްތާލާނެ ހަތިޔާރެއް އިރާގަކު ނެތެވެ. މިބަހަނާގައި 42 ގައުމެއް އެކުވެ ކޯލިޝަނެއް އެމެރިކާ އިސްވެ އޮވެ ހަދާއި އިރާގަށް އެރީއެވެ.
މި އޮޕަރޭޝަން ތަންފީޒު ކުރީ ދެބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް އަކީ، އޮޕަރޭޝަން ޑެސާޓް ޝީލްޑު އެވެ. މިއީ މިލިޓަރީ ގޮތުންތައްޔާރުވި މަރުހަލާއެވެ. ދެވަނަ ފޭސް އަކީ، އޮޕަރޭޝަން ޑެސާޓް ސްޓޯމް އެވެ. މިއީ މަތިން ބޮންއަޅަން ފަށާއި ހަމަލާތައް ދީ މުޅި އިރާގު ހިފުމެވެ. މީގެ ތގެރޭގައި ކުވޭތު މިނިވަން ކުރުން ވެސް ހިނގިއެވެ. އެއީ 24 ފެބްރުއަރީން، 28 ފެބްރުއަރީ 1991 ގައެވެ.
ދެން ފަހެ، މިލަސްކަރުން އެންމެ ޒަމާނީ ހަތިޔާރާ އެކު ޢިރާޤަށް އަރައި އިސްލާމުންގެ ފަޚުރުވެރި ވެރިރަށެއް ކަމުގައިވާ ބަޣްދާދު ހިފީއެވެ. އަދި ސުންނާފަތިކޮށް ލީއެވެ. މުޅި އިރާގު ފަތަހަކުރީއެވެ. މިއީ 1990 އިން 1991 އަށް ކުރެވުނު ގަލްފު ހަނގުރާމައެވެ. އެ ހަނގުރާމައިގާ ޞައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށް ފަހު، ޢިރާޤް ގައި ގަވަރމަންޓް ކައުންސިލެއް އުފައްދައި ދީ، 2003 އިން ފެށިގެން، 2004 އަށް ޢިރާޤްގެ ވެރިކަމުގެ ނިޒާމް ބެލެހެއްޓީ އެކައުންސިލް އިންނެވެ.
ފަހެ، މިހާ ހިސާބުން ބަޢަޘްޕާޓީގެ ވެރިކަން ޢިރާޤްގައި މުޅިން ނިމުމަކަށް ގެނެވުނީއެވެ. ސުންނީ ޖަމާޢަތުގެ ބާރު ކެނޑި ޝީޢީންނަށް އިރާގުގައި ބާރާއި އިސްކަން ދެވުނީއެވެ. ޞައްދާމްގެ ފަޚުރުވެރި ވެރިކަން ވެއްޓުނީއެވެ. ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުން ގެންދިޔަ އިސްލާމީ ބަތޮލަކު ނެތިކޮއްލައި ތަރައްގީގެ ގޮތުން ކުރިއަރާފައިވާ ބަޣްދާދު ފުނޑުފުނޑުކޮށް ސުންނާފަތިކޮށް ލީއެވެ.
ފަހެ، 28 ޖޫން 2004 އިންފެށިގެން، 7 އެޕްރީލް 2005 އަށް މިކައުންސިލް ގެ ރައީސް އަކަށް ހުރީ، ޣާޒީ މަޝްޢަލް ޢުޖައިލް (1958 – —-) އެވެ. ޢިރާޤްގެ ހަވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޖަލާލް ޠޮލަބާނީ (1933 – —-) އެވެ. އޮފީހުގައި، 7 އެޕްރީލް 2005 އިން ފެށިގެން މިއަދާ ހަމައަށް ވެސް އިންނެވީ މީނާއެވެ. އަދި، 20 މެއި 2006 އިން ފެށިގެން ބޮޑުވަޒީރަކީ، ނޫރީ ކާމިލް މުޙައްމަދު ޙަސަން އަލްމާލިކީ (NORI KAMIL MOHAMMED HASAN AL MALIKI, 20 JUN 1950 – —–) އެވެ.
މަޝްހޫރު ނަންތަކަކީ، ޖަވާދް އަލްމާލިކީ އާއި އަބޫ އިސްރާ އެވެ. މިއީ ޢިރާޤްގެ، 74 ވަނަ ޕްރައިމިނިސްޓަރ އެވެ. މީނާ އަކީ ޞައްދާމް ބޭރުކޮށް ލުމުގައި އެމެރިކާނުންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރި މީހެކެވެ. އީރާން އާއި ހިޒްބުﷲގެ ރަޙްމަތްތެރި، ޝީޢީ މީހެކެވެ. އަދި ވެސް ވެރިކަމުން ނުފައިބާ އިތުރު ދައުރެއް ގަދަބާރުން ނެގޭތޯ އެގޮތްމިގޮތަށް މަސައްކަތް ކުރަމުން ގެންދާ ބޮޑު ވަޒީރެވެ.
މިއީ މި މަޒުމޫނުގައި އަމާޒު ކުރެވިފައި، 100 އަހަރުން ބޭރުގެ ވާހަކަ އެކެވެ. މިގައުމުތަކުގެ ވާހަކަ ބޮޑު ދެހަނގިރާމައިގެ ފަހަތަށް، 2014 އަށް ވުރެވެސް ފަހަތަށް މަދުން މިގެނެސްދެވެނީ މިހާރާ ގުޅުވާލައި ހަނދާނަށް މިއަދާ ހަމައަށް ގެންނަން ފަސޭހައަކަށެވެ.
ޤުދުސް ހިފުން:
މާތް ވެގެންވާ، މުޤައްދަސް ޤުދުސް އަކީ، ޔަހޫދީންނާއި ހަރުކަށި ޒައޮނިސްޓުންގެ ޖެރޫސަލަމް (JERUSALEM) އެވެ. އިސްލާމުންގެ އެއް ޙަރަމްފުޅެވެ. ބައިތުލް މުޤައްދިސް ހުރި ޙަރަމްފުޅުގެ ބިމެވެ. ފަހެ، މުސްލިމުންގެ އެއްޙަރަމްފުޅެވެ. ކީރިތި ރަސޫލާ މުޢުރާޖަށް، އުޑިތަކަށް ދަތުރު ކުރެއްވީ އެ ބިމުގެ އެ މިސްކިތުންނެވެ. ވީމާ އެއީ މި ދުނިޔެއިން އުޑުތަކަށް ދަތުރު ކުރެވޭނެ ދިރާއްޓެއް ހުރި ހުރުމަތް ކުރެވިގެންވާ ބިމެކެވެ.
އިނގިރޭސިން ބޮޑު ހަނގުރާމަ ތެރޭގައި އުފެއްދި، މިޞްރުގެ އެކްސްޕެޑިޝަނަރީ ފޯރސް (EGYPTION EXPEDIYIONARY FORCE – EEF) "އީއީއެފް" ލަޝްކަރު، ޖެނެރަލް އަލެންބީގެ ޤިޔާދަތުގައި އަމާޒުފަތް ގަނޑަކަށް ހެދީ، ސީދާ ޤުދުސް އިސްލާމުންގެ އަތްދަށުން މިނިވަންކޮށް، ފަލަސްޠީން ހިފާށެވެ.

މިޞްރުގެ ވެރިއަކަށް އިނގިރޭސިންގެ ފަރާތުން، ހުންނެވި ހައިކޮމިޝަނަރ މެކްމަހޮން އާއި ޖެނެރަލް އަލެންބީ ވަނީ، އިނގިރޭސި އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ލޮއިޑް ޖޯރޖް އަރިހުގައި، 1917 ވަނަ އަހަރުގެ ކްރިޝްމަސް އައުމުގެ ކުރިން، ކްރިޝްމަސް ހަދިޔާއެއްގެ ގޮތުގައި ޤުދުސް އަރުވާނެ ކަމުގެ ވަޢްދު ވެފައެވެ. ޑޭވިޑް ލޮއިޑް ޖޯރޖް އަކީ، ހަރުކަށި ކްރިސްޓިއަނެކެވެ. ފަހެ އެއީ ބޮޑު ހަނގުރާމަ ނިންމާލުމުގެ އެއްއަހަރު ކުރިއެވެ.
ޖެނެރަލް އަލެންބީގެ އީއީއެފް ލަޝްކަރުން، ޤުދުސް ހިފުމުގެ ހަނގުރާމަ (BATTLE OF JERUSALEM) ފެއްޓީ، 17 ނޮވެންބަރ 1917 ގައެވެ. އަދި ޤުދުސް ހިފައި މިކުރިމަތިލުން ނިންމާލީ، 18 ޑިސެންބަރ 1917 ގައެވެ. ޤުދުސް އަށް އެރުމުގެ ކުރިން، ޖިބާލް އަލްޚަލީލް (JUDAEAN MOUNTAINS) އާއި ނަބީ ޞަމޫޢީލް (BATTLE OF NEBI SAMWIL) 17 ނޮވެންބަރ އިން، 24 ނޮވެންބަރ 1917 އަށް ހަނގުރާމަ ކޮށް ހިފިއެވެ. އެހެން ގޮސް ޖެހުނު އަވަށެއް ހިފަމުން ކުރިޔަށް ގޮސް، ޤަދީމީޤުދުސް އައި ހަމައަށް ފޯރީ، 2 ޑިސެންބަރ 1917 ގައެވެ.
ފަހެ، ޢުޘްމާނީ ޚިލާފަތުން މިހަނގުރާމަ ލީޑްކުރީ، ޢުޘްމާނީ ލަޝްކަރުގެ ކޮމާންޑަރެއް ކަމުގައިވާ، ޖާވޭދުޕާޝާ އާއި ޢަލީ ފުއާދުޕާޝާ އާއި ޖަރުމަން ޖެނެރަލެއް ކަމުގައިވާ އުޘްމާނީ ޚިލާފަތުގައި މިނިސްޓަރ އޮފް ވޯރ ގެ މަޤާމް، 1913 އިން 1915 އަށް އަދާކުރެއްވި އެރިކްވޮން ފަލްކެން ހަޔާން (ERICH VON FALKENHAYAN, 11 SEP 1861 – 8 APR 1922) އެވެ.
ޖާވޭދުޕާޝާގެ ވަނަމަކީ،”ކަރަމާނީ” އެވެ. ޢުޘްމާނީ ލަޝްކަރުން ދިފާޢުގައި ވަރަށް ގަދަޔަށް ހިތްވަރު ކުރިއެވެ. އެހެނަސް އަލެންބީގެ ލަޝްކަރުން ކާމިޔާބު، ދެޙަމަލާއެއް ދިނުމާއެކު ބަލިވީއެވެ. ބޮޑެތިމަގުތައް އަލެންބީގެ ލަޝްކަރުން ބަންދުކޮށް އެބިންތައް ހިފީއެވެ.
3 ޑިސެންބަރ 1917 ގައި ވާދީޒައިތް ގައި، މެންދުރު އެކެއްޖެހި އިރު ދޭންފެށި ޙަމަލާއިން ހަވީރު، ތިންގަޑިތިރީސް ގައި އެއަވަށް އެކުގައި ހިފައި، 17 ސިފައިން ހައްޔަރުކޮށް ބޮޑުބަޑީގެ ތިންބަޑި އަތުލައި ގަތެވެ. 7 ޑިސެންބަރ 1917 ގައި މޫސުންގޯސްވެ ވެހެމުންދިޔަ ވިއްސާރައާއި ފިނީގައި ހަނގުރާމަ ކުރިޔަށް ގެންދިޔައެވެ. އަދި ބައިތުލަޙުމްގެ ބޮޑުމަގު ހިފީއެވެ. އަދި، 8 ޑިސެމްބަރ 1917 ގެމެންދުރު ދެގަޑި ސުންމިނެޓް ގައި ބައިތުލްޖަލާލް އަށް ޙަމަލާދީ ވަށާލީ، ފިނިވައި ތެރޭގައި ކުރިޔަށް ގެންދިޔަ ވަރުގަދަ ހަނގުރާމައި ގައެވެ.
ޢުޘްމާނީ ޚިލާފަތުގެ ލަޝްކަރުގެ ބާރުމުޅިން ކަނޑުވާލުމަށް ފަހު، އިނގިރޭސި ލަޝްކަރުގެ ބާރު ދަށަށް، އަމާން ދިނުމަށް ޢުޘްމާނީ ލަޝްކަރަށް މަޖްބޫރު ކުރުވީއެވެ. އީއީއެފްގެ ލަޝްކަރު އަލެންބީގެ ޤިޔާދަތުގައި، 40 ދުވަހާއި، 40 ރޭވަންދެން، ފިނިވަޔާއި ވާރޭތެރޭގައި ހަނގުރާމަ ކުރުމަށް ފަހު، ހުރިހާ ދިމާއަކުން ޤުދުސް ވަށާލާއި ހިފީއެވެ. 8 ޑިސެންބަރ 1917 ވަނަ ދުވަހުގެ ހަވީރުވީ އިރު، ޤުދުސްގެ ޙިމާޔަތުގައި ދިފާޢުގައި ތިބި ޢުޘްމާނީ ސިފައިންތައް އެކުގައިހެން ފަހާލާއި މުޅި ހިސާބުއެކުގައި އަމާންކޮށް ނިންމާލީއެވެ.

ފަހެ، 9 ޑިސެންބަރ 1917 ވަނަ ދުވަހު ހެނދުނު، ޤުދުސްގެ މޭޔަރ ޙުސައިން ސާލިމް އަލްޙުސައިނީ، ޢުޘްމާނީ ޚިލާފަތުގެ ގަވަރނަރުގެ ފަރާތުން ބަލިޤަބޫލުކޮށް އަމާންދިން ކަމުގެ ރަސްމީ ލިޔުން، އީއީއެފް ލަޝްކަރުގެ ލީޑަރަށް އެރުވިއެވެ. ފުރަތަމަ މިސިޓީގައި ހިފަން ނުރުން ފާޅުކޮށް ހެދުމަށް ފަހު، ފަހުން ސިޓީ ބަލައިގަތީ އެވެ. ފަހެ، އެސިޓީގެ މަތަނުގައިވާ ޢިބާރާތުގެ މާނަކީ މިއީއެވެ.
“ޤުދުސް ވަށާލާފައި ވާލެއް ވަރުގަދަ ކަމުން، މިމާތް މުޤައްދަސް ބިން ކަމުގައިވާ، ޙަރަމްފުޅު ތިޔަބޭފުޅުންގެ ބޮޑުބަޑިތަކުގެ ވަޒަނުންނާއި ބޮންތަކުން ހަލާކުވިޔަ ނުދިނުމުގެ ނިޔަތާއި ބޭނުމުގައި އަމާންކަމާއި ރައްކާތެރިކަން މަތީ، ބޭއްވުމަށް ޓަކައި އަމާން ދިނުމަށް، އަހަރުމެންނަށް މަޖްބޫރުކުރުވި ހިނދު، ހަތިޔާރު ބަހައްޓާއި އަމާން މިދެނީ، ޤުދުސް ސިޓީ ޙިމާޔަތް ކޮށްދީ، ބަލަހައްޓާނެ ކަމުގެ އުންމީދުގައި، 500 އަހަރުވަންދެން، ޙަރަމްފުޅު ޙިމާޔަތްކޮށް ދިނުމަށް ފަހުގައެވެ.”
އާދެ! އެއަށް ފަހު، ދެން މުޅިން ވެސް ކުރީ ޖެރޫސަލަމް ޙިމާޔަތް ކުރުމުގެ މަސައްކަތެވެ. މުޅި ސިޓީ އެކުގައި އަމާންކުރެ ވުނެވެ. އަދި އެއަށް ފަހު، 11 ޑިސެންބަރ 1917 ވަނަ ދުވަހު ޖެނެރަލް އަލެންބީ، އޭނާގެ އަރިސް ޢަސްކަރީންނާ އެކު، ޝަރަފާއި ޢިއްޒަތުގައި ޤަދީމީ ޤުދުސް ސިޓީ ކަމުގައިވާ، އަލްބައިތުލް ޤަދީމާއަށް އެއްވެސް ހަތިޔާރަކާއި އަހެއްފަދަ، ސަވާރީއެއް ބޭނުންނުކޮށް، ފައިމަގުގައި ހިނގާފައި ގޮސް ޤުދުސް ޙަރަމްފުޅަށް ވަނީ، ބާބުލްޚަލީލް (BABEL KHALIL) އޭކިޔުނު ބޮޑު ދޮރާށި ކޮޅުންނެވެ.

މިއީ މުސްލިމުންނަށް ހިތާމަހުރި އަޑުއަހަން އުދަގު ހިނދުކޮޅެކެވެ. އެހެނަސް އެތައް ޤަރުނަކަށް ފަހު، މުސްލިމުންގެ އަތުން ޤުދުސް ވެއްޓިގެން ދިޔައީ މިހާ ހިތާމަ ވެރިކޮށެވެ. އިންތިހާއަށް ދެރަކަމެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

ފަހެ، އަލެންބީ އަކީ، އެތައް ޤަރުނަކަށް ފަހު، ޤުދުސް ކޮންޓްރޯލްކުރި ފުރަތަމަ ކްރިސްޓިއަން ލީޑަރ އެވެ. އޭނާގެ ބޮޑު ވަޒީރު، ކްރިސްޓިއަން ޑޭވިޑް ލޮއިޑް އަށް ވީ، ވަޢްދު އެއަހަރު ޑިސެންބަރ 25 އައުމުގެ ކުރިން، ކްރިޝްމަސް ހަދިޔާއަކަށް މުސްލިމުންގެ ޤުދުސް ވެދުމަށް އަރުވާ ނިންމާލީ އުފާފާޅު ކުރަމުންނެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވާއި އެ އުފާ ފާޅުކުރަމުން ނެވެ.
އާދެ! 11 ޑިސެމްބަރ 1917 ވަނަ ދުވަހު، އިނގިރޭސި ވިލާތުގެ ދުވަހުނޫހެއް ކަމުގައިވާ، “ދަ ޓައިމްސް” ގައި ބޮޑުކޮށް ޗާޓާ އެކު މިޚަބަރު ލިޔެ، އާންމު ކުރިއެވެ. ސުރުޚީ އަކީ، “ޖެރޫސަލަމް ކެޕްޗަރޑް” އެވެ. މުޅި ޔޫރަޕް އެކުގައި މިކަމާ އުފާކުރިއިރު، އިސްލާމީ އުންމަތް މިކަމާ ހިތާމަކޮށް ރޮއި ކަރުނަ އެޅިއެވެ.
އަދިއަދަށް ދާންދެން ވެސް މުސްލިމުން ތިބީ އެހިތާމައިގަ އެވެ. އެ ރޮއުމާއި ވޭނުގައެވެ. އިސްލާމީ ޚިލާފަތު ނެތިކޮށްލާއި ޤުދުސް ހިފުމަކީ، މުޅި ޔޫރަޕްގެ ޢަޒްމާއި ވިސްނުމެވެ. ބޮޑުހަނގުރާމަ އަކީ، އެކަން ޙާޞިލްކުރުމަށް ހިންގި އެންމެބޮޑު ޖަރީމާއެވެ. މީގެ ބަދަލު، ﷲ ތަޢާލާ އެމީހުންނަށް ކޮންމެވެސް ދުވަހަކުން ދައްކަވާށިއެވެ! އާމީން!
ފަހެ، މިހަދިޔާއަކީ، މެކްމަހުން އާއި ޖެނެރަލް އަލެންބީ އާއި ޓިއީ ލޯރެންސް، އިނގިރޭސިން ނަށް ވެފައިވާ ވަޢްދު، އެއަހަރު ކްރިޝްމަސް ދުވަހުގެ ކުރިން ފުއްދުމަށް ޓަކައި، ގަދަފަދަ ޢަޒުމްގައި ދެމިތިބެ، މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގި އަނިޔާވެރި ޖަރީމާ އެކެވެ. މިވަޢްދު ވަނީ، މާކުރިން އޭރުގެ އިނގިރޭސި ބޮޑުވަޒީރު، ޑޭވިޑްލޮއިޑް ޖޯރޖް (DAVID LLOYD GEORGE, 17 JAN 1863 – 26 MAR 1945) އާއެކު ކަށަވަރުކޮށް ފައެވެ. ފަހެ، މީނާއަކީ، ވަރަށް ހަރުކަށި ކްރިސްޓިއަން އެކެވެ.
މިހަނގުރާމަ ވެގެންދިޔައީ ބްރިޓިޝް އެންޕަޔަރ އަށް ލިބިގެންދިޔަ އެންމެބިޔަ ކާމިޔާބަށެވެ. އަދި މުޅި ޔޫރަޕްއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ އަކަށެވެ. މިއީ ހުރިހާ އިސްލާމުންނަށް ކުރިމަތި ކުރުވި މާސިންގާ ހިތާމައެކެވެ. ޢުޘްމާނީ ޚިލާފަތުން މައްކާ އާއި މަދިނާގެ ދެޙަރަމްފުޅު ގެއްލުމަށް ފަހު، ތިންވަނަ ޙަރަމްފުޅު، ބައިތުލް މުޤައްދިސް ވެސް ގެއްލުނީއެވެ. މިހާ ހިސާބުން، އިސްލާމުންގެ ވެރިކަންކުރާ ހުރިހާވެރި ރަށްތައް އިނގިރޭސިންގެ ދިދައިގެ ދަށަށް ވެއްޓުނީއެވެ.
ފަހެ، ބޮޑުހަނގުރާމަ، 1918 ނޮވެންބަރ ގައި ނިންމާލުމަށް ފަހު، ދެން އަވަސްވެގަތީ، މުސްލިމުންގެ އަތުން ހިފި ބިންތައް ރޭވިފައިވާ ގޮތަށް ފޮތިފޮތިކޮށް ބަހާލުމަށް. ޞުލްޙައިގެ ކޮންފަރެންސްގެ ނަމުގައި ފްރާންސްގެ ވެރިރަށް ޕެރިސް ގައި ކޮންފަރެންސް އެއް ބޭއްވުމަށެވެ.
1919 ގައި ބޭއްވުނު، މިކޮންފަރެންސް ގައި ބަލްފޯރ ޑެކްލަރޭޝަން ވަޢްދުއައި އެއްގޮތްވާ ގޮތަށް، އެގްރީމެންޓްތައް ލިޔެހަދައި، ލީގް އޮފް ނޭޝަންސް އެއް، ވުޖޫދަށް ގެނެވެންދެން، 1917 އިން ފެށިގެން، 1920 އަށް ޖެރޫސަލަމް ބެލެހެއްޓީ، އޮކިއުޕައިޑް އެނިމީ ޓެރިޓޮރީ އެޑްމިނިސްޓްރޭޝަން، އޯއީޓީއޭ (OCCUPIED ENEMY TERRITORY ADMINISTRATION – OETA) ގެ ބެލުމުގެ ދަށުންނެވެ.
އިނގިރޭސި އެންޕަޔަރގެ ފަރާތުން، އޯއީޓީއޭގެ ވެރިޔަކީ، ފީލްޑްމަރޝަލް އަލެންބީ އެވެ. އަދި ހިފިބިންތަކުގައި އިދާރީކަންކަން ހިންގީ، އޭނާގެ ލަޝަކްރުންނެވެ. ޕެރިހުގައި ބޭއްވި، ޕީސް ކޮންފަރެންސް ކޯޑިނޭޓްކޮށްދީ، އިސްލާމުންގެ ބިންތައް އިނގިރޭސިން ހަދާފައިހުރި، ވަޢްދުތަކާ އެއްގޮތަށް ބަހާލުމުގައި އިސްރޯލެއް ކުޅުއްވީ، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑްލޮއިޑް ޖޯރޖް އެވެ.
ފަހެ، 1920 އިން ފެށިގެން، 1948 އާހަމައަށް، ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިސްރާއީލީ ދައުލަތް ވުޖޫދަށް އަންނަންދެން، ފަލަސްޠީން އޮތީ، ބްރިޓިޝް މޭންޑޭޓްގެ ދަށުން ބަލަހައްޓާ ގޮތަށެވެ. އަދި ބަލްފޯރ ވައްދުއައި އެއްގޮތަށް ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ވުޖޫދަށް ގެނެސްދީފައި އިނގިރޭސިން ފަލަސްޠީނުން ފޭބީ، ހުރިހާކަމެއް ނިމުމުންނެވެ.
އާދެ! މައްކާޝަރީފް ޙުސައިން ބިން އަލީ އަށް އިނގިރޭސިން ދެއްކި، މާސިންގާ ޢަރަބި ދައުލަތުގެ ބޮޑު ހުވަފެނުގެ ތެރޭގައި އިސްލާމުންގެ ތިންޙަރަމްފުޅު ހިމެނެއެވެ. ސޫރިޔާގެ ޙަލަބް އިން ފެށިގެން، ޔަމަންގެ އަދަން (ADEN) އަށް މިދައުލަތް އެކުލެވިގެން ވެއެވެ.
މިއީ ބިލާދުއްޝާމް އެވެ. އެކިޔާ ބޮޑުސޫރިޔާ (GREATER SYRIA) އެވެ. އެހެނަސް ހަމަ އެއް ހިނދެއްގައި ޒައޮނިސްޓުންނާ އެކު އިނގިރޭސިން ހެދި ވަޢްދުގެ ދަށުން، ތިންވަނަ ޙަރަމްފުޅު ޔަހޫދީ ޒައޮނިސްޓުން ނަށް ދިނީއެވެ. އަދި ސޫރިޔާ އާއި ލެބްނާން ހަމަ އެއް ހިނދެއްގައި ސިއްރުން ހެދި، ސައިކްސްޕިކޮޓް އެއްބަސް ވުމުގެ ދަށުން، ފްރާންސް އަށް ދިނީއެވެ.
ފަހެ، މިއީ މައްކާޝަރީފް ޙުސައިން ބިން ޢަލީގެ ބޮލަށް، އިނގިރޭސިން އެރިގެން އޮޅުވާލި ބޮޑު އޮޅުވާލުން ގަނޑެކެވެ. މިކަން ވަރަށް ތަފްޞީލްކޮށް މިމަޒްމޫނު އެކުގައި ކިޔާލުމުން ސާފުވެގެން ދާނެއެވެ. ފަހެ، ދެން އޮތީ، ސޫރިޔާ އާއި ދަމިޝްޤް ހިފި ވާހަކައަށް ބަލާލުމެވެ.
ސޫރިޔާ އާއި ދަމިޝްޤް ހިފުމަށް ދަތުރު ކުރަމުން ދިޔަ ލަޝްކަރު ތަކުގެ މަގު ބަދަލުކޮށް ޤުދުސް އަށް މިސްރާބު ޖެހީ، ޑިސެންބަރ، 25 ގެ ކުރިން ކްރިޝްމަސް ހަދިޔާ އިނގިރޭސި ބޮޑު ވަޒީރަށް އެރުވުމުގެ ގޮތުން ޤުދުސް ހިފުން އަވަސް ކުރުމުގެ ބޭނުމުގައި، ޖެނެރަލް އަލެންބީއެވެ.
ސޫރިޔާ އާއި ދަމިޝްޤް ހިފުން:
ބޮޑު ހަނގުރާމައިގައި، މިޞްރުގެ އެކްސްޕެޑިޝަނަރީ ފޯރސް، (އީއީއެފް) އާއި ސީނާ އާއި ފަލަސްޠީން ހިފުމުގެ ކެންޕޭންގެ ލަޝްކަރުން ގުޅި، ޖެނެރަލް އަލެންބީ އާއި ފައިޞަލް އާއި ޓީއީލޯރެންސްގެ ވެރިކަމުގެ ދަށުގައި ހަނގުރާމަކޮށް، ވިލާޔަތް އެލެއްޕޯ (VILAYET ALEPPO) 25 އޮކްޓޯބަރ 1918 ގައި ހިފުމާއެކު ސޫރިޔާ އިނގިރޭސި ބާރުގެ ދަށަށް ގޮސް ޢުޘްމާނީ ޚިލާފަތްގެ ލަޝްކަރު ބަލިވީއެވެ.
އަލެންބީ އާއި ފައިޞަލްގެ ލަޝްކަރާ އެކު، އިއްތިޙާދީ ހަނގުރާމަ ވެރިން ކަމުގައިވާ ނިއޫޒިލޭންޑްގެ ކޮމާންޑަރ އެއްކަމުގައިވާ، ޖެނެރަލް ސަރ ޖޯރޖް ހެންރީ ޗައުވެލް (SIR HENRY CHAUVEL, 16 APR 1865 – 14 MAR 1945) ގެ ލަޝްކަރު ވެސް ބައިވެރިވި އެވެ.
ޢުޘްމާނީ ޚިލާފަތުގެ ލަޝްކަރު ލީޑްކޮށްދިނީ، މުޞްޠޮފާ ކަމާލް ޕާޝާ އާއި ޖަރމަން އެންޕަޔަރގެ ޢަސްކަރީ ޖެނެރަލެއް ކަމުގައިވާ، އޮޓޯ ލައިމަން ވޮން ސެންޑަރސް (OTTO LIMAN VON SANDERS, 17 FEB 1855 – 22 AUG 1929) މިދެ ޖެނެރަލުންނެވެ. އިއްތިޙާދުގެ ލަޝްކަރުން، މި ހަނގުރާމަ ކާމިޔާބުކޮށް ސޫރިޔާ ހިފީއެވެ.
އެއަށް ފަހު ދިމާކުރީ ދަމިޝްޤް ވަށާލުމަށެވެ. ތަލްމަޖީދޫ (TEL MEGIDDO) އަލެންބީ އާއި ފައިޞަލް އާއި ލޯރެންސް އާއި ޗައުވެލްގެ ލަޝްކަރުން، 19 ސެޕްޓެމްބަރ 1918 އިން ފެށިގެން 25 އަށް، ހަނގުރާމަ ކުރީ އެއްލަޝްކަރެއްގެ ގޮތުގައި ދަމިޝްޤް އަށް އަރާއި ވަށާލުމަށް ފަހު، ދަމިޝްޤް ހިފީއެވެ.
އަދި، ދަމިޝްޤް އަށް ދާންއޮންނަ މައިމަގު ހިފުމަށް، 26 ސެޕްޓެމްބަރ 1918 ގައި ފެށި ހަނގުރާމަ ނިންމާލީ، 1 އޮކްޓޯބަރ 1918 ގައި އެއްކޮށް ހިފައި ނިންމާލުމަށް ފަހުގައެވެ. ދެން ފަހެ، ސަރ ޗައުވެލްގެ އެކުވެރި ލަޝްކަރު ތަކާ އެކު، އަސްތައް މަތީގައި ދަމިޝްޤްއަށް ވަދެ، 2 އޮކްޓޯބަރ 1918 ގައި ދަމިޝްޤް ހިފީއެވެ.
ސޫރިޔާ އެއްކޮށް ހިފައި ނިންމާލުމަށް ފަހު، އަލެންބީގެ ލަޝްކަރުން ޗައުވެލްގެ ލަޝްކަރު އާ މަޝްވަރާ ކުރުމަށް ފަހު، އެސަރަޙައްދުގައި ބައިވަރު ޢަރަބިން ދިރިއުޅެމުން ދާތީއާއެކު، ދަމިޝްޤްއާއި ސޫރިޔާގެ އިދާރީ ހިންގުން މައްކާޝަރީފް ޙުސައިންގެ ފައިޞަލްއާ ވަގުތީގޮތުން ހަވާލުކުރީއެވެ. ފަހެ، މިހަނގުރާމައިގާ މެލޭރިއާ އާއި ސްޕެނިޝްފުލޫ ވަބާގެ ޝިކާރައަކަށް ވެގެން އެތައް ބައިވަރު ސިފައިންނެއް ދެފަރާތުން ވެސް މަރުވެގެން ދިޔައެވެ.
އާދެ! ސޫރިޔާ އާއި ދަމިޝްޤް ހިފުމުގެ ކުރިން، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި ޒަމާންތަކެއް ވަންދެން ސޫރިޔާ ދެމިއޮތެވެ. 1453 އިން ފެށިގެން ސޫރިޔާގެ ބިމުގައި ޢުޘްމާނީ ޚިލާފަތުގެ ގްރޭންޑް ވަޒީރުގެ ބެލުމުގެ ދަށުން، އިދާރީ ހިންގުންތައް ސޫރިޔާގެ ހުރިހާ ހިސާބެއްގައި ހިންގަމުން ގެންދިޔައީ “އިޔާލަތް” ގެ ނަމުގައެވެ.
އިޔާލަތް އަކީ، ޢުޘްމާނީ ޚިލާފަތުގެ އިދާރީޑިވިޝަން އެވެ. 1866 ގައި ވިލާޔަތްތަކާ ބެހޭ ޤާނޫނެއް، ޢުޘްމާނީ ޚިލާފަތްގައި ފަރުމާ ކުރެވެންދެން، އޭގެ ކުރިން ހުރިހާ ރަށްތަކެއް އިދާރީގޮތުން ބަލަހައްޓަމުމް ގެންދިޔައީ އިޔާލަތްގެ ދަށުންނެވެ. ޤާނޫނެއް ފަރުމާ ކުރެވުމުން، ދެން ބަލަހައްޓަމުން ގެންދިޔައީ ވިލާޔަތް ޤާނޫންގެ ދަށުންނެވެ.
ފަހެ، ބޮޑު ހަނގުރާމަ އަށް ފަހު، 1920 ގައި އުފެދުނު އަލްމަމްލަކަތުލް ޢަރަބިއްޔަތުން ސޫރިޔާ (ARAB KINGDOM OF SYRIA) އުފެދެންދެން، ސޫރިޔާގައި އެކިއެކި ވިލާޔަތްތައް ބެހިފައި ހުރީ، މިގޮތަށެވެ. އެންމެ އުތުރުގައި، ވިލާޔަތް އެލެއްޕޯ (VILAYET OF ALEPPO) އެވެ. މިއީ ވިލާޔަތް ޙަލަބް އެވެ.
އެންމެ ހުޅަނގުގައި ވިލާޔަތް ދައިރުއްޒޫރ (VILAYET OF DEIRAZZOR) އެވެ. މިއީ ވިލާޔަތް ދުރޫޒް އެވެ. އިރުމަތީގައި ވިލާޔަތް ބައިރޫތް (VILAYET OF BEIRUT) އެވެ. ހުޅަގު ދެކުނުގައި ވިލާޔަތް ސޫރިޔާ “ދަމަސްކަސް” (VILAYET OF SYRIA (DAMASCUS)) އެވެ. އެންމެ އިރުދެކުނުގައި ވިލާޔަތް މުތަސާމިޔަތް (MUTASAMIYET OF JERUSALEM) އެވެ.
ފަހެ، ސޫރިޔާ ބެހިފައި އޮތީ، މިފަސް ވިލާޔަތުގެ މައްޗަށެވެ.
މިއީ ޢުޘްމާނީ ޚިލާފަތުގައި ސޫރިޔާބެހިފައި އޮތްގޮތެވެ. އަދި ފަހުން ޢަރަބި ސޫރިޔާ ކިންގްޑޮމް ވެސް އޮތްގޮތެވެ. ބޮޑު ހަނގުރާމަ އަށް ފަހު، އުފެދުނު ފުރަތަމަ ޢަރަބި ދައްލަތަކީ މިއެވެ. އެހެނަސް މިދައްލަތް ދެމި އޮތީ ވަރަށް ކުރު މުއްދަތަކަށެވެ. 8 މަރޗް އިން ފެށިގެން، 24 ޖުލައި 1920 އަށެވެ. މިކުރު މުއްދަތުގައި ރަސްކަމަށް އިނގިރޭސިން ވެޑުވީ، މައްކާޝަރީފް ޙުސައިންގެ ހަގު ދަރިކަލުން ފައިޞަލް ބިން ޙުސައިން ބިން ޢަލީ އަލްހާޝިމީ އެވެ.
އިނގިރޭސިންނަކީ، މާބޮޑަށް ވަންހަތައް ދަމަހައްޓައި އިންސާނީ ތަފާތުކުރުން އާލާކުރުވި ބައެކެވެ. މަޤްޞަދަކީ އިސްލާމުން ބައިބައި ކުރުމެވެ. އަދި މުޙައްމަދުގެ ފާނަށް ނިސްބަތްވާ ބަޔަކު ސުންނީންގެ ނަމުގައި ގަދަވެ ދާނެތީ، އެކަމާ ގަންނާކުރައްވާ ބިރުން އިނގިރޭސިން ކުރަމުން ގެންދިޔަ ކަމެކެވެ. ޢަރަބި ދަރިކޮޅުގެ ހާޝިމީންނާއި ޢަލަވީން އަބަދުވެސް ނެރެ ނަގަހައްޓައި ގަދަކުރެވޭތޯ ބަލަމުން ގެންދިޔައެވެ. ފަހެ، މުސްލިމުން އަތުން ހިފި ބިންތައް އެދުވަސްވަރު، އިދާރީގޮތުން ބެލަހައްޓައި ދިނީ، އިނގިރޭސިން ނެވެ.
1919 ގައި ޕެރިސްގައި އޮތް ޕީސް ކޮންފަރެންސް ގައި ސައިކްސް ޕިކޮޓް ސިއްރު އެއްބަސްވުމުގެ ދަށުން މިބިންތައް ބަހާލުމުން ސޫރިޔާ އާއި ލެބަނަން، 1920 ގައި ދިޔައީ ފްރާންސް މޭންޑޭޓްގެ ދަށަށެވެ. އެއަށް ފަހު، އެބިންތައް ބަލަހައްޓަމުން ގެންދިޔައީ ފްރާންސް އިންނެވެ. 1920 އިން ފެށިގެން، 1922 އަށް ސޫރިޔާ އާއި ލެބްނާން އޮތީ، ފްރާންސްގެ ދަށުން ބަލަހައްޓާ ގޮތަށެވެ.
ފަހެ، ބޮޑު ހަނގުރާމަ ނިމި، ސޫރިޔާ އިނގިރޭސި ސިފައިން ހިފީއްސުރެން، ރަސްކަލަކީ، ފައިޞަލް ބިން ޙުސައިން އެވެ. އެހެނަސް ފްރާންސްގެ މޭންޑޭޓްގެ ދަށުގައި އޮތްއިރު ހިންގި ކަންތައްތަކުގެ ތެރޭގައި، 1920 ގައި އިނގިރޭސިން، ވަގުތީގޮތުން ފައިޞަލް ޔޫކޭއަށް ގެންދިޔައީއެވެ. ދެން ފްރާންސް މޭންޑޭޓްގެ ދަށުން، ސޫރިޔާގައި ސޫރިއަން ފެޑެރޭޝަން އެއް އުފެއްދީއެވެ.
މިދުވަސްވަރު، ފައިޞަލްއަށް ތާއީދު ކުރާ ޢަރަބިންނާ މެދު، ފްރާންސުން ވަރުގަދައަށް ކުރިމަތިލާން ޖެހުނެވެ. ދަމިޝްޤް އަށް ބައެއް ޙަމަލާތައް ވެސް ދެވުނެވެ. ފަހެ، މިކަންވާނީ ވެސް އެހެންނެވެ.
މައްކާޝަރީފް ޙުސައިން އާއެކު އިނގިރޭސިންވީ އެއްބަސްވުމުގައި ބޮޑު ޢަރަބި ދައުލަތެއް، ގްރޭޓަރ ސޫރިޔާގެ ހުވަފެން ދައްކާއި އަދި އެ ޢާއިލާއަށް އެބިން، ހޯދައިދޭން ވަޢުދުބަސް ބުނެފައި ސިއްރުން ފްރާންސް އާއެކުވީ ސައިކްސް ޕިކޮޓް އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން ސޫރިޔާ އާއި ލެބްނާން ފްރާންސް އަށް ދިނުމުން، މިއޮޅުން އަރާއި ހަމަނުޖެހުން އުފެދުނީއެވެ. ޠަބީޢީގޮތުން އެކަން އެހެންވާނެއެވެ.
އިނގިރޭސިން މުސްލިމުންގެ ބިންތައް ބެހުމުގައި ވަޢްދުތައް ވެފައި ހުރީ އެއްބަޔަކާއި އަނެއްބަޔަކަށް ޖައްސުވާއި ތަޅާފޮޅުން ދާއިމަށް އުފެދިގެންދާނެ ގޮތަށް ބަލާފައެވެ. ހަމަޖެހިލައިގެން އެދައުލަތްތަކަށް ދެމި ނޯވެވޭ ގޮތަށް ބަލާއި ވިސްނައި ގެންނެވެ.
މިކަން މިހެން ދިމާވީ ޕީސް ކޮންފަރެންސް އިން، ފްރާންސް އަށް ސައިކްސް ޕިކޮޓް ވައްދު ފުއްދައި ދިނީމައެވެ. އެއްބަސް ވުމައި އެއްގޮތަށް މިކަންތައް ހަމަޖެހުމުން، ސޫރިޔާ އާއި ލެބްނާން ފްރާންސް އަށް ދީފައި، ފައިޞަލް ބިން ޙުސައިން އަނބުރާ ޔޫކޭއިން ގެނެސް އިނގިރޭސިންގެ މޭންޑޭޓްގައި އޮތް، ޢިރާޤްގެ ރަސްކަމަށް އަލުން، ވެޑުވީއެވެ. މައްކާގެ ޢަރަބިންނައި ވެފައިވާ ވައުދުގެ ބޮޑުސޫރިޔާގެ އެއްބައި ފްރާންސަށް ދީ ނިންމާލީ އެވެ.
ދެން ފަހެ، މައްކާޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލުން ވެޑުވީ ޓްރާންސް ޖޯޑަންގެ ރަސްކަމުގައެވެ. އެންމެދޮށީ ދަރިކަލުންނަށް ދިނީ، ޙިޖާޒުކަރައިގެ ވެރިކަމެވެ. އެހެނަސް އިނގިރޭސިން އަޑީގައި ތިބެގެން ނަޖްދު ކަރައިގެ ވެރިޔާ އާލްސުޢޫދް އަށް މަދަދާއި އެހީވެދީގެން، ސަޢޫދީ ޢަރަބިއްޔާ އުފެއްދީ ވެސް އިނގިރޭސިން އަޑީގައި ތިބެގެންނެވެ.
މުސްލިމުން ބައިބައިކޮށް ސުންނާފަތިކޮށް ނިންމާލީ މި ބީދައިން، މުސްލިމުންނާއި މުސްލިމުން ލައްވާ ހަނގުރާމަ ކުރުވާފައެވެ. ފަހެ، ކޮންމެވެސް ދުވަހަކުން މީގެ ހިތިނަތީޖާ އިނގިރޭސިން ނަށް، ﷲ ދައްކަވާށިއެވެ! އާމީން!
އާދެ! ޕެރިސް ޕީސް ކޮންފަރެންސް ގައި ލީގް އޮފް ނޭޝަންސް (އެލް އެން) ގެ ނަމުގައި ބައިނަލްއަޤްވާވީ ޖަމްޢިއްޔާއެއް އުފައްދައި އެޖަމްޢިއްޔާ (LN) ގެ ދަށަށް މި ބިންތަކުގައި ދިމާވާ އެންމެހައި ކަންތައްތައް، ރާވާއި ބަލަހައްޓަމުން ގެންދާގޮތަށް ނިންމުނެވެ. ފަހެ، ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން، ޔޫއެން ޖަމްޢިއްޔާ ވުޖޫދަށް އަންނަންދެން އޮތީ "އެލްއެން" ޖަމްޢިއްޔާ އެވެ.
ފްރާންސް ދަށަށް ސޫރިޔާ އާއި ލެބްނާން ގެންދިޔަ އަސް، ޢިރާޤް އާއި ފަލަސްޠީން އަދި ވެސް ބޭއްވީ، އިނގިރޭސި އެންޕަޔަރ އިން ހުރިހާ އިދާރީކަމެއް ބަލަހައްޓަމުން ގެންދާ ގޮތަށެވެ. ޢިރާޤް ފައިޞަލް ބިން ޙުސައިން އަށް ދިނުމުގެ ބޭނުމުގައެވެ. އަދި ފަލަސްޠީން ޒައޮނިސްޓް ޔަހޫދީންނަށް ހަދިޔާ ކުރުމުގެ ބޭނުމުގައެވެ.
ފަހެ، ސޫރިޔާ، 1922 އިން ފެށިގެން، 1924 އަށް އޮތީ، ސީރިއަން ފެޑެރޭޝަންގެ ގޮތުގައެވެ. ބަލަދު ވެރި ފަރާތަކީ، ފްރާންސް އެވެ. އާދެ! 1924 އިން ފެށިގެން، 1930 އަށް ސްޓޭޓް އޮފް ސޫރިޔާ (STATE OF SYRIA) ލީގް އޮފް ނޭޝަންސްގެ ދަށުން ވުޖޫދަށް ގެނެވުނެވެ.

އަދި، 1 ޑިސެންބަރ 1924 އިން ފެށިގެން، ފްރާންސް މޭންޑޭޓްގެ ދަށުން ސޫރިޔާ ދައުލަތް ރަސްމީކޮށް އުފެދުނީއެވެ. ސީރިއަން ފެޑެރޭޝަން އަށް ލިބިނު ކާމިޔާބެއްގެ ގޮތުގައެވެ. ސްޓޭޓް އޮފް އެލެއްޕޯ (ދައުލަތް ޙަލަބް) އާއި ސްޓޭޓް އޮފް ދަމިޝްޤް އާ ދެދައުލަތް ވެގެން، އެކުވެރިކަން ފަށައި ގަތީ، އަލްއިއްތިޙާދުއް ސޫރިޔާގެ ނަމުގައެވެ.
ސީރިއަން ފެޑްރޭޝަން އެއްގެ ގޮތުގައެވެ. މިޔުނިއަން ގައި ބައިވެރިވީ، ދައުލަތް ޙަލަބް (STATE OF ALEPPO) އާއި ދައުލަތް ދަމިޝްޤް (STATE OF DAMASCUS) އެވެ. މިދެ ދައްލަތަކީ ވެސް، ސައިކްސް ޕިކޮޓް އެގްރީމަންޓްގެ ދަށުން ފްރާންސް މޭންޑޭޓްގެ ދަށަށް ޕެރިސް ޕީސް ކޮންފަރެންސް އިން، އެލްއެން ޖަމާޢަތުން ބަލަހައްޓާ ގޮތަށް ފްރާންސް އަށް ލިބުނު ދެބިމެވެ.
މިދެ ދައްލަތް އެކުވެގެން، އެއް ރައްޔިތުންގެ މަޖްލީހެއް ބާއްވައިގެން ހިންގި ފެޑްރޭޝަން އެކެވެ. ދައްލަތުލް ޢަލަވިއްޔީން (STATE OF ALAWITE) އޮތީ، ފުރަތަމަކޮޅު، މިޔުނިއަންގައި ބައިވެރި ނުވެއެވެ.
އެހެނަސް، 1 ޖެނުއަރީ 1925 އިން ފެށިގެން، އަނެއް ދެދައްލަތް އަށް ތާއީދުކޮށް ސޫރިޔާ އިއްތިޙާދު އާ ގުޅުންބަދަހި ކުރީއެވެ. އަދި ފްރާންސްގެ މޭންޑޭޓްގެ ދަށުން ނެއްޓި އަމިއްލަ މިނިވަންކަން ލިބިގަތުމުގެ ރޫޙްއެއް އާލާވެ އުފެދި، އުތުރިއަރައި ސޫރިޔާގެ ސުންނީންނާއި ޝީޢީންނާއި ސޫރިޔާގެ ދުރޫޒުން ނާއި ޢަލަވީ ދަރިކޮޅުން ނާއި ކްރިސްޓިއަން ސޮސައިޓީ ގުޅިގެން، 1926 އިން ފެށިގެން ފްރާންސް އާއެކު ކުރިމަތިލުން ތަކެއް ފެށީއެވެ.
މިކަމާހެދި ފްރާންސް އިން ޖުމްލަ ގޮތެއްގައި އެކިރަށް ތަކަށް ވަކިވަކިން، ޢުޤޫބާތްތައް ދިނުމުގެ ގޮތުން ސިވިލިއަން އޭރިޔާތަކަށް ބޮން އެޅުން ފަދަ އަދަބުތައް ދޭންފެށުމުން ގޯހުންގޯހަށް އެކަންތައް ގޮސް، 1930 ގައި ރިޕަބްލިކް އޮފް ސޫރިޔާ އުފެދުނީއެވެ. ފްރާންސް އިން ވަކިވެ އަމިއްލަ މިނިވަން ވެރިކަމެއް އިޢުލާނުކޮށް އާ ޤާނޫނު އަސާސީއެއް ލިބިގަތީއެވެ.

އަދި އެއަށް ފަހު، ލީގް އޮފް ނޭޝަންސްގެ ބެލެހެއްޓުމުގެ ދަށުން ފްރާންސް އާއި ސޫރިޔާ އައި ވާހަކަ ދެކެވިގެން، ފްރެންކޯ ސީރިއަން ޓްރީޓީ އޮފް އިންޑަރޕެންޑެންސް، 1936 ގައި ޤައިމުކޮށް އެއްބަސް ވީއެވެ. ފަހެ، މިއެއްބަސްވުން ވުމަށްޓަކައި، 1936 މަރޗް އިން ފެށިގެން، ސެޕްޓެންބަރ އައި ހަމައަށް، ހަމަސް ދުވަހުގެ މަޝްވަރާތައް ކުރިޔަށް ގެންދެވުނެވެ. ސޫރިޔާ ޕަރލަމެންޓުން، މިޓްރީޓީ ފާސްކޮށް ތަސްދީޤް ކުރިއެވެ. އެހެނަސް ފްރާންސް ސަރުކާރުން ސޮއިކުރުން ފިޔަވައި ތަސްދީޤްއެއް ނުކުރެއެވެ.
ފަހެ، 1941 ގައި މުޅިން އަމިއްލަ މިނިވަން ކަމާއި ސިޔާދަތް ލިބިގެންވާ ޖުމްހޫރިއްޔާ އަކަށް ސޫރިޔާ ބަދަލުވީއެވެ. މިޖުމްހޫރިއްޔާ، 1958 އަށް ދެމިއޮތެވެ.
މިއީ ފްރާންސް އިން ދެންހަދާނެ އެހެން ގޮތެއް ނެތުމުން، ޢަލަވީން ނާ އެކު ގުޅުން ބަދަހިކޮށް، އެގުޅުން ދެމިގެންދާނެ ގޮތަކަށް އަޑިއަޑިން ރާވައި ދީ، ސުންނީންގެ މައްޗަށް ޢަލަވީން ގަދަކުރުމުގެ މަޤްޞަދުގައި ކުރި ނުލަފާ ކަމެކެވެ. ޢަލަވީ ދަރިކޮޅުގެ ވަންހައަށް އަބަދުވެސް މަދަދާއި އެހީތެރިކަން ދިނެވެ. ޙާފިޒް އަސަދް އަށް ބާރުހޯދައި ދިނުމުގެ އަޑީގައި ގަދަޔަށް، ފަރަންސޭސިން ތިއްބެވެ. ސުންނީންގެ މައްޗަށް ޢަލަވީން ގަދަކުރުވި ބަޔަކީ، ފްރާންސް މީހުންނެވެ.
އަދި، 1958 ގައި ސޫރިޔާ އާއި މިޞްރު ގުޅިގެން ޔުނައިޓެޑް އެރެބިއަން ރިޕަބްލިކް، އަލްޖުމްހޫރިއްޔަތުލް ޢަރަބިއްޔަތުލް މުއްތަޙިދާ ކިޔާ ޔުނިއަން އެއް އުފެއްދިއެވެ. މިއީ ޖަމާލް ޢަބްދުއްނާޞިރުގެ އިސް ނެންގެވުމެއްގެ ދަށުން ޤައިމް ކުރެވުނު އިއްތިޙާދެކެވެ.
މި އިއްތިޙާދުގައި ޢިރާޤް ބައިވެރި ކުރެވޭތޯ ގިނަގުނަ މަސައްކަތް ތަކެއް ކުރެވުނެވެ. އެހެނަސް އޭރުގެ ޢިރާޤްގެ ބޮޑުވަޒީރު ޢަބްދުލްކަރީމް ޤާސިމް އެކަމަށް އެއްބަސް ނުވީއެވެ. ޤާސިމްގެ ވެރިކަން ވެއްޓުނީ، މި ހަމަނުޖެހުމުގެ ތެރޭގައެވެ.
ފަހެ، މި އިއްތިޙާދު ދެމިއޮތީ، 1958 އިން ފެށިގެން، 1961 ވަނަ އަހަރަށެވެ. މިއީ ކުރުމުއްދަތަކަށް އުފެދުނު ސިޔާސީ ޔުނިއަން އެކެވެ. ސޫރިޔާ އާއި މިޞްރު ގުޅިގެން އުފެއްދި ޔުނިއަންގެ ރައީސް އަކީ، ޖަމާލް ޢަބްދުއްނާޞިރު އެވެ. މިއީ ސޫރިޔާގެ، 13 ވަނަ ރައީސުލް ޖުމްހޫރިއްޔާ އެވެ
.

އާދެ! 1961 އިން ފެށިގެން، މިއަދާހަމައަށް އަދިވެސް ސޫރިޔާ އެއޮތީ، ސީރިއަން އެރަބް ރިޕަބްލިކް (SYRIAN ARAB REPUBLIC) ގެ ގޮތުގައެވެ. މިޖުމްހޫރިއްޔާގެ ރައީސް ޙާފިޒް އަލްއަސަދު އަކީ، ސޫރިޔާގެ، 18 ވަނަ ރައީސް އެވެ.

ބައްޝާރުލް އަސަދު އަކީ، 19 ވަނަ ރައީސުލް ޖުމްހޫރިއްޔާ އެވެ. ސޫރިޔާގައި ބަޢަޘްޕާޓީގެ ވެރިކަން ފެށުނީ، 16 ވަނަ ރައީސް އަމީން އަލްޙާފިޒް އައި ހަމައިން ނެވެ.

މިއަދުގެ ބައްޝާރް އަކީ ވެސް ބަޢަޘްޕާޓީގެ އެންމެ މަތިފަޑީގެ ލީޑަރ އެކެވެ. 2014 އަށް އައި އިރުވެސް މުޅި ޔޫރަޕް އެއްބައި ވެގެން އެއުޅެނީ، ބަޢަޘްޕާޓީގެ ވަސް ސޫރިޔާއިން ފިލުވާ ނުލެވިގެންނެވެ. ސޫރިޔާގައި އަދިވެސް އޮތީ، ޢަލަވީ ދަރިލޮޅުން ހުންނެވި ބަޢަޘްޕާޓީގެ ވެރިއެއް ކަމުގައިވާ ބައްޝާރު އަލްއަސަދް ގެ ވެރިމަވެ. ޢިރާޤްގައި ޞައްދާމް ޙުސައިންގެ ދުވަސް ދުއްވާލިހެން، ބައްޝާރުގެ ދުވަސް ދުއްވާލެވޭތޯ ހުރިހާ ގޮތަކުން މަދަދާއި އެހީތެރިކަން އެމެރިކާއިން ދެމުން ގެންދެއެވެ.
އެގޮތުން، ސޫރިޔާ ސުންނާފަތިކޮށް ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންވަނީ، ކައިރިރަށް ތަކަށް ހިޖްރަކުރުމަށް މަޖްބޫރުކޮށް ފައެވެ. ދުނިޔޭގެ ބޮޑުބާރު އެމެރިކާ އިސްކޮށް އޮވެގެން، ވަރަށްގިނަ މެދުއިރުމަތީ ޤައުމުތައް ވަނީ، ޑިމޮކްރަސީގެ ނަމުގައި ތަޅާއި ސުންނާފަތިކޮށް ލާފައެވެ. އެމީހުންގެ ބަހުރުވައިން ނަމަ، ޢަރަބިންނަށް ރަބީޢު މޫސުމެއް ގެނެސް ދިނީއެވެ. ޒަމާނީ ޑިމޮކްރަސީ އަށް ވާސިލްކޮށް ދިނީއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ:
ފަހެ، ދަންނާށެވެ! 2011 އިން ފެށިގެން ސޫރިޔާ ސިވިލްވޯރ ގަދަޔަށް ހިނގަމުން ކުރިޔަށް ދަނީއެވެ. ވަރުގަދަ ދާޚިލީ ހަނގުރާމައެއް ފެށި ހިނގަމުން ދަނީއެވެ. ހަނގުރާމަމަތީ، އެކިއެކި ޖަމާޢަތްތަކަށް ހަތިޔާރާއި އެހެނިހެން އެހީތަކާއި މަދަދު ދޭންފެށި ބަޔަކީ، ސީދާ އިސްރާއީލުންނާއި އެމެރިކާ އާއި އެމެރިކާގެ އެކި، ޖަމާޢަތް ތަކުންނާއި އެމެރިކާގެ ގޮނޑިކޮއްކޮ މެދުއިރުމަތީ ބައެއް ސަރުކާރުތަކުން ނެވެ.
ބޮޑު ހަނގުރާމަ އަށް ފަހު، އިސްރޯލެއް ކުޅެމުން ގެންދަނީ، އެމެރިކާއާއި އިސްރާއީލުންނެވެ. އިނގިރޭސިން ނާއި ފަރަންސޭސިން ތިބެނީ އެމެރިކާގެ ވާގިވެރިންގެ ގޮތުގައެވެ. ދިވެހިން ވެސް މާގިނަނޫން ޢަދަދަކަށް މިހަނގުރާމައިގާ ޢަމަލީގޮތުން ބައިވެރިވެ އުޅޭކަމުގެ ޚަބަރުތައް ވަނީ ކަށަވަރު ކުރެވިފައެވެ.
އޭގެތެރެއިން ބައެއް ދިވެހިން، އެމީހުންގެ އަމިއްލަ ޢަޤީދާ އާއި ނަޒަރުގައި ޝަހީދުންގެ ގޮތުގައި ވަނީ، މަރުވެ ސުވަރުގެއަށް ގޮސްފައެވެ. މިއީ ބައެއްގެ ނުބައި ނުލަފާ ރޭވުމެކެވެ. ދިވެހިންގެ މަދުބަޔަކު މިއަވާގައި ޖެހި ތާށިވީއެވެ. ފަހެ މިއީ ބޮޑު އޮޅުވާލުންގަނޑެކެވެ. ދުނިޔޭގެ އެތަން މިތަނުގެ މުސްލިމުން، މިހަނގުރާމާ ގައި ޢަމަލީގޮތުން ބައިވެރި ކުރުވާފައި ވެއެވެ. ސުންނީ މުސްލިމުން ލައްވާ، މިހަނގުރާމަ ފެއްޓުވި ފަރާތަކީ، އެމެރިކާ އާއި ސަހުޔޫނީ އިސްރާއީލެވެ. އަދި އެމެރިކާގެ އެހީތެރިން ގެ ގޮތުގައި ތިބި، އިސްލާމީ އަދި ޢަރަބި ބައެއް ދައްލަތް ތަކެވެ.
އިސްލާމީ އަދި އަރަބި މިދައުލަތްތަކަކީ، އެމެރިކާ އާއި އިސްރާއީލުގެ ގޮނޑިކޮއްކޮ ސަރުކާރު ތަކެވެ. ހަމަ ކަށަވަރުން މި ވިހައިން ސަލާމަތްވެ އޮތީ، އިސްލާމީ ދައުލަތެއް ކަމުގައިވާ އިސްލާމީ އީރާން އެކަންޏެވެ. ފަހެ، ސަޢޫދި ޢަރަބިޔާ، ޤަޠަރު، ބަޙްރައިން، ކްވޭތްފަދަ ޢަރަބި ޤައުމުތައް ލައްވައި ގަދަޔަށް އެހީފޯރުކޮށް ދީގެން، މި ދާޚިލީ ހަނގުރާމަ ސޫރިޔާ ތެރޭގައި ކުރިޔަށް ގެންދިޔައެވެ. އެހެނަސް މިހާރަކަށް އައިސް މަދަދާއި އެހީތައް އޮހެމުން ދަނީ، އެކިއެކި ޚައިރިއްޔާތްތައް އެއްކުރާ ޖަމާޢަތްތަކުން ނާއި ދުނިޔޭގެ ބޮޑެތި މަޝްހޫރު ޖަމްޢިއްޔާ ތަކުންނެވެ.
މިކަން މިހެން ހިނގަމުން ދެމެމުން މިދަނީ، އެމެރިކާގެ ޖާސޫސީ އިދާރާ "ސީއައިއޭ" އާއި އިސްރާއީލުގެ ޖާސޫސީ އިދާރާ "މޮސާޑު" ގެ ވިސްނުންތެރި ކަމުގެ ނުލަފާ ރޭވުންތަކުގެ ދަށުންނެވެ. ނޭނގި ތިބެ ބައެއް މުސްލިމުން މަކަރުވެރި މިމަޅީގައި ޖެހި، އަމިއްލަހިތުން ޝަހީދުންގެ ދަރަޖަ ލިބިގަންނަމުން ދާލެއް މަދެއްނޫނެވެ.
ކުޑަކުޑަ ޤައްމެއް ކަމުގައި ދިވެހިރާއްޖެއިން ވެސް، ދިވެހި ޒުވާނުން މިމަޅީގައި ގަދަޔަށް ޖެހިފައި ވެއެވެ. ދިވެހިރާއްޖެއާ ހިސާބަށް މިކަން ފުޅާކޮށްފައި ވަނީ އިންޑިޔާގެ ޖާސޫސީއިދާރާ “ރޯވ” ގެ އެހީ އާއި މަކަރުވެރި ސިއްރު ރޭވުންތަކުގައި ބަޔަކު ޖެހިގެންނެވެ. ސަރުކާރު ތެރޭގައި ވެސް މިކަމަށް އެހީތެރިވާ ވަޒީރުން ފެންވަރުގެ މީހުންތިބެގެންނެވެ.
އާދެ! ނިކަމެތި ދިވެހި މުސްލިމުން، ނުކުމެ ގޭގެއަށް ހިނގައިގެންނާއި މިސްކިތްތަކުގައި އިއުލާނުކޮށްގެން ފައިސާ އެއްކޮށް ސޫރިޔާގެ މުޖާހިދުންނަށް، ދިވެހިރާއްޖޭން ބަޔަކު ދަތުރު ހަދައިގެން ސޫރިޔާއަށް ގޮސް މައިދާނުގައި ތިބި މުޖާހިދުންނަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށް ހަދާފައި ވެއެވެ. އިސްލާމީ ދައުލަތް ތަކުންނާއި އޭޖެންޓު ސަރުކާރުތަކުން މިކަންކަމަށް މަގުފަހިކޮށް ދެނީ އެމީހުންގެ ޖާސޫސީ އިދާރާތަކުގެ ރޭވުންތައް އެތެރޭގައި މޫހިތްޕާފައި ހުންނަލެއް ވަރުގަދަ ކަމުންނެވެ.
އަދި މާލޭގެ އިސްލާމީ މަރްކަޒްގައި ސޫރިޔާގެ މުޖާހިދުންނާ ގުޅިގެން، ތާއީދުކޮށް ބޮޑު ޖަލްސާއެއް ވެސް ބާއްވާފައި ވެއެވެ. ފަންޑުފޮށި ހަދައިގެން އުޅުނެވެ. އެހެނަސް މިއަދު އެކަންތައް ހަނދާންހުރި ރަސްމީ ފަރާތެއް ވާނެހެން ހިޔެއް ނުވެއެވެ. ފަހެ، މުސްލިމުން މުސްލިމުންނަށް، ހެޔޮއެދުމުގެ ގޮތުން ދަރުމައިގެ ދީލަތި އެހީތައް ފޯރުކޮށް ދެނީޔޯލައެވެ. ރާއްޖޭގައި މިކަން ފުޅާކުރީ ސަރުކާރުގައި ތިބި ބަޔަކައި ގުޅިގެން އިންޑިއާގެ ޖާސޫސުން އަޑީގައި ތިބެގެންނެވެ. ވާހް! އެމެރިކާގެ ރޭވުމުގެ މޮޅުކަމާއެވެ!!
މިސަބަބު ތަކާހެދި ސޫރިޔާ ސަރުކާރާ ދެކޮޅު އިދިކޮޅު ވަރުގަދަ ހަނގުރާމަވެރި، މުޖާހިދުންގެ ޖަމާޢަތެއް ވަނީ ސޫރިޔާ ތެރޭގައި އުފެދިފަ އެވެ. ސޫރިޔާ ތެރޭގައި ސިވިލް ހަނގުރާމަ ކުރަމުންދަނީ އެމީހުންނެވެ. ދާޚިލީ ހަނގުރާމައެއް ގޮތުގައި އަދިވެސް، ހަނގުރާމަ ދަނީ ކުރިޔަށެވެ. މުސްލިމުންނާއި މުސްލިމުން ހަނގުރާމަކޮށް މަރުވެދަނީއެވެ. މުސްލިމުންގެ ވެރިރަށެއް ސުންނާފަތިވެ ދަނީއެވެ. އެމެރިކާއިން ބަރާބަރަށް މުޖާހިދު ޖަމާއަތްތަކަށް ހަތިޔާރާއި ވާގިވެރިކަން ދެމުން ދެއެވެ.
ދާޢިޝް އުފެއްދުން:
ފަހެ ދަންނައެވެ! ހަނގުރާމަ ކުރަމުންދާ މިޖަމާޢަތް ރަސްމީކޮށް އުފެދުނީ، 2 ޖެނުއަރީ 2014 ގައެވެ. އުފެއްދީ މޮސާޑާއި ސީއައިއޭ އާއި “ރޯވ” އަޑީގައި އޮވެގެންނެވެ. ހަނގުރާމަ ދަނީ ވަރުގަދަޔަށް ބާރަށް ކުރިއަށެވެ. އެކިއެކި ދައުލަތްތަކުގެ މީހުން މުޖާހިދުންގެ ނަމުގައި އެލަޝްކަރައި ގިނައަދަދަކަށް ގުޅެމުން ދެއެވެ. ކޮންމެވެސް ނުސީދާ ގޮތަކަށް މިކަންތައް އޮންނަނީ ބަރާބަރަށް ހިނގަމ،ުންދާ ގޮތަށް ރޭވިފައެވެ. އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަ ވަމުންދެއެވެ.
އަދި މެދުއިރިމަތީގެ އެސަރައްޙަދު ތަކުގެ ތެލުގެ މުއްސަނދި ކަމުން ފައިދާ ލިބިގަންނަމުން ގެންދެއެވެ. ސަރަޙައްދުން ތިޔޮ ބޭރުކުރެވޭނެ ގޮތްތައް ވަނީ، އެމެރިކާ މެދުވެރިވެގެން އެމީހުންގެ ބާރު ހިނގާ ސަރަޙައްދީ ޙުދޫދުގެ ތެރެއިން ހޯދާފައެވެ. ތުރުކީ މެދުވެރިކޮށް މިކަން ހިންގާކަން ދުނިޔޭގެ ބާރުތަކަށް ކަނޑައެޅިގެން އެނގެއެވެ. ވާކަމެއް ނެތެވެ.
މުސްލިމު ގައުމުތަކުން މުޖާހިދުން ބަރާބަރަށް އެތެރެ ވެއެވެ. އެފައުޖުތައް ވަރުގަދަ ކުރެއެވެ. ސިޔާސީ ގޮތުން ގެއްލުވާލަން ޖެހޭ ކުދިން މުޖާހިދުން ގޮތުގައި ބޭރުކޮށްފައި އެބަހުއްޓެވެ. އެގައުމުތަކުގެ ތިޔޮ ޤަވާޢިދުން ބޭރުވެއެވެ. ހެސްކިޔާފައި އެއިން ފައިސާ ހޯދައެވެ. އެމީހުންގެ ނަކަލީ އިސްލާމީ ދައުލަތް ވަރުގަދަކޮށް ހިންގައެވެ.
މުޖާހިދުންގެ ނަމުގައި ހިންގާ މިޖަމާޢަތަށް، އިސްލާމީ ދައުލަތަށް ކިޔަނީ، އަލްދައްލަތުލް އިސްލާމިއްޔާ ފިލްޢިރާޤި ވައްޝާމިއްޔި (ދާޢިޝް) އެވެ. ދާޢިޝް އަކީ ޢަރަބި ހަތަރު އަކުރެވެ. ދައްލަތުގެ ދާލް އާއި އިސްލާމިއްޔާގެ އަލިފް އާއި ޢިރާޤްގެ ޢައިން އާއި ޝާމްގެ ޝީން އެވެ. ދިވެހިބަހުން ބުނެ އަދި ލިޔާއިރު، "ދާ" އަކީ ދާލްއާއި އަލިފެވެ. ޢައިންއިބިފިލި "ޢި" އަކީ، ޢިރާޤްގެ ޢައިނެވެ. ޝީން ސުކުން "ޝް" އަކީ، ޝާމްގެ ޝީނެވެ. ގުޅާލުމުން، ދިހެވިން ވެސް، “ދާޢިޝް” (DAESH) އޭ ކިޔެނީއެވެ.
އިނގިރޭސިން ބޭނުން ކުރަނީ، އިސްލާމިކް ސްޓޭޓް އޮފް ޢިރާޤް އެންޑް ސީރިޔާ، އައި އެސް އައި އެސް (ISIS) “އައިސިސް” އެވެ. އެމެރިކާ އިން ފެށުނީއްސުރެ ވެސް ކިޔަނީ، އިސްލާމިކް ސްޓޭޓް އޮފް ޢިރާޤް އެންޑް ދަ ލިވާންޓް، އައިއެސްއައިއެލް (ISLAMIC STATE OF IRAQ AND THE LEVANT – ISIL) "އައިސިލް" އެވެ. ލިވާންޓް އަށް ބަދަލުކޮށް ގެންނެވެ. މިގޮތުން މުޅި އެ ސަރަޙައްދު އެކުގައި ސަޢޫދިޔާއިން ފެށިގެން މިސްރާއެކު ހިމެނިގެންދެއެވެ.
މިޖަމާޢަތުން އިރުމަތީ އުތުރު ސޫރިޔާއިން ބަޔަކާއި ޢިރާޤް ތެރެއިން ބައެއް ބިންތައް މިހާރުވަނީ ހިފާއި އަމިއްލަ ކޮށްފައެވެ. އެމީހުންގެ ދައުލަތް ފުޅާކޮށްފައެވެ. އަދި ހިފާފައިވާ އެ ސަރަޙައްދު ތަކުގައި މިހާރުވަނީ، އަމިއްލަ ވަންތަ ދިދަނަގައި އިސްލާމީ ދައުލަތެއް، ޚިލާފަތުލް އިސްލާމިއްޔާ ގެ ނަމުގައި، 24 ޖޫން 2014 ގައި ފަޚުރުވެރިކަމާ އެކު، އިޢުލާނުކޮށް ގައިމުކޮށް ފައެވެ. އަމިއްލަ އައިޑެންޓިޓީއެއް އުފައްދައި ޢިއުލާނުކޮށް ފައެވެ. މިކަމާ ދެކޮޅުހެދި ބާރެއްނެތެވެ. ކުށްވެރިކުރަން ކެރޭ ދައުލަތެއްނެތެވެ.
މިއީ އިސްރާއީލާއި އެމެރިކާ އާއި އިނގިރޭސިންނާއި ފަރަންސޭސިންނާއި އިންޑިއާގެ މަދަދައި އެކު ހަރަކާތްތެރިވާ އަޑިފޮރުވިފައި އޮންނަ ސިއްރު ދައުލަތެކެވެ. މުސްލިމުން ލައްވާއި މުސްލިމުން މެރުމަށް ތައްޔާރުކޮށްފައިވާ، ނަމުން މުޖާހިދުންގެ ލަޝްކަރެކެވެ. މިހާރު ވަނީ، ޝާމުކަރައިން މިނިވަން ސަރަޙައްދެއް ހިފައި އަމިއްލަ މުސްތަޤިއްލު ދައުލަތެއް އުފައްދާފައެވެ. އަމިއްލަވަންތަ، ވަތޮނީ ޕާސްޕޯރޓް އެއް އުފައްދާއި ބޭނުންކުރަން ފަށާފައެވެ.
އާދެ! ދަންނާށެވެ! ބޮޑު ހަނގުރާމައިގައި ގުޅިފައިވާ އިނގިރޭސި ލަޝްކަރުން ވެސް އިސްލާމުންގެ ބިންތައް ހިފީ މިކަހަލަ ބީދައަކުން ނެވެ. އެއްވެސް ތަފާތެއް ނެތެވެ. ފަހެ، އަލަށް އުފެއްދި މިދައްލަތުގެ ޚަލީފާއަކީ، ޚަލީފާ އިބްރާހީމް އެވެ. އަޞްލުނަމަކީ، އިބްރާހީމް ޢަވާދް އިބްރާހީމް ޢަލީ އަލްބަޣްދާދީ އަލްސާމަރާއީ (IBRAHIM AWWAD IBRAHIM ALI AL SAMARRAI, 1971- —-) އެވެ. ވިހެއީ، ޢިރާޤްގެ އަލްސާމަރާ ސިޓީގައެވެ.
މީނާއަކީ، 2003 ގައި އެމެރިކާނުން ޢިރާޤްއަށް އެރިއިރު، ޢިރާޤްގެ މިސްކިތެއްގެ އިމާމް އެކެވެ. އިސްލާމިކް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލްކޮށްފައި ވަނީ، ޢިރާޤްގެ ބަޣްދާދް ޔުނިވަރސިޓީ އިންނެވެ. މަޝްހޫރު ވެފައިވަނީ، ޑޮކްޓަރ އިބްރާހީމް އާއި އަބޫދުޢާ ގެ ނަމުންނެވެ. އެންމެ އާންމު ނަމަކީ، އަބޫބަކްރު އަލްބަޣްދާދީ އެވެ. ފަހެ، މިހާރު ޚަލީފާ އިބްރާހީމް އެވެ. އެމެރިކާ ސިފައިން ޢިރާޤަށް އެރުމަށް ފަހު، މީނާ ޖަލަށްލެވި އެމެރިކާ ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައި އަހަރެއްހާ ދުވަހު ހުއްޓެވެ.
އޭރު އެމެރިކާއިން ގެންދިޔައީ ޖަލަށް ލެވުނު ޖެނެރަލުންގެ ތެރެއިން ވަކި ބަޔަކު ޚާއްސަކޮށް ގެން، ވަކިގޮތަކަށް ޚިދުމަތްދީ އެމީހުންގެ ފިކުރުތައް ވަކިދިމާއަކަށް އަމާޒުކޮށް ގެން ތަރުބިއްޔަތާއި ޓަމްރީނުތައް ދެމުންނެވެ. މީނާއަކީ އެޚާއްޞަ ކޭންޕްގައި ހިމެނުނު ބޭކަލެކެވެ. މިނިވަން ވުމަށް ފަހު، މުޖާހިދުންގެ އިސް ލީޑަރަކަށް ހެދީއެވެ.
މީގެތެރޭގައި ގިނައީ މިގޮތަށް ސިއްރުބާރަކުން ތައްޔާރުކޮށްފައި ތިބި އިސްލީޑަރުންނެވެ. އިރާގުގެ އަބޫޣުރައިބު ޖަލުން ނެރެ ތައްޔާރުކުރި ބަޔަކު ވެސް ތިއްބެވެ. ފަހުން ގޮސް ބުލެކުވޯޓަރާއި ޓީޓީޕީ އާއި އެކި ޖަމާއަތްތަކުގެ ނަމުގައި މީގެ ކުދިކުދި ގުރޫޕުތައް ގިނަ ކުރީއެވެ.
އަދި މުޅި ދެކުނު އޭޝިއާ ތެރެއަށް މިބައިގަނޑުގެ ފަސާދަ އިތުރު ކުރެވުނީއެވެ. މުސްލިމުންނާއު މުސްލިމް ދައުލަތްތައް ރޫޅާލުމަށެވެ. މިހާރު ފާޅުކަން ބޮޑުކޮށް ގަބޫލުކުރެވިފައި ވަނީ، ބަޣުދާދީ އަކީ ސިކުނޑި ދޮވެލާފައިހުރި ޒައޮނިސްޓް ފިކުރުން ފުރިފައިވާ އެމެރިކާ އާއި އިސްރާއީލުގެ އެޖެންޓެއް ކަމަށެވެ. ޢިރާޤްގެ ތެރެއިން ނޫންބަޔަކު، މި އިސްލާމީ ދައުލަތް ގަބޫލެއް ޤަބޫލްއެއް ނުކުރެއެވެ. އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިންނާއި އިންޑިއާގެ ބާރުގައި ވަރުގަދަކޮށް ދެމި އޮންނަނީއެވެ.
ފަހެ، މިޖަމާޢަތުގައި ހަނގުރާމަ ކުރަމުންދަނީ، ޢިރާޤް އާއި ޝާމް ގެ އަހްލުވެރިންގެ އިތުރުން، ދުނިޔޭގެ އެކި ޤައްމުތަކުގައި ދިރިއުޅެމުން ގެންދާ މުސްލިމުންނާއި ޢަރަބި އިސްލާމީ ޤައްމުތަކުގެ މުސްލިމް ރައްޔިތުންނާއި ޔޫރަޕް ޤައްމުތަކުގައި ތިބި މުސްލިމުންގެ ތެރެއިން ޖިހާދު ކުރުމަށް އެސަރަޙައްދަށް ސިކުނޑި ދޮވެލައިގެން ގެންދާ މީހުންނެވެ. މިހަނގުރާމައިގައި ދެފަރާތުންވެސް މަރުވަމުން ދަނީ، ލޮބުވެތި މުސްލިމުންނެވެ.
ފަހެ، ދަންނާށެވެ! ބޮޑު ހަނގުރާމައިގައި ވެސް، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް މައްކާގެ ޢަރަބިން ލައްވައި، އިނގިރޭސިން ހަނގުރާމަ ކުރުވީ ހަމަ މިގޮތަށެވެ. ސިއްރު ރޭވުންތަކުންނެވެ. އެއްވެސް ތަފާތެއް ނެތެވެ. އަދި ޙިޖާޒް ކަރައާއި ނަޖްޒުކަރައިގެ މުސްލިމުންލައްވާ ހަނގުރާމަ ކުރުވައި އެތައް މުސްލިމުންނެއް، މުސްލިމުން ލައްވާ ކަތިލާއި މެރިއެވެ.
ޖެނެރަލް އަލެންބީގެ ލަޝްކަރުގައި ވެސް، ހިންދުކަރައިގެ މުސްލިމުންނާއި އެހެން ސަރަޙައްދު ތަކުގެ މުސްލިމުން ތިއްބެވެ. ތުރުކީ މިނިވަން ކުރުމަށް ކުރެވުނު، ހަނގުރާމައާއި ސޫރިޔާ އާއި އިރާޤް ތެރޭގައި ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުރެވުނު ހަނގުރާމަ ތަކުގައި ވެސް މުޅިން ހަނގުރާމަ ކުރީ މުސްލިމުންނާއި މުސްލިމުންނެވެ.
ހުޅަގުން ކުރާ މަސައްކަތަކީ ހަތިޔާރާއި ފައިސާ އެޅުމެވެ. ހަނގުރާމައިގެ އަލިފާނަށް ތިޔޮއަޅައި ގަދަކޮށް ހުޅުރޯކުރުމެވެ. ފަހެ، ޢަޖައިބު ވާން ޖެހެނީ، މިޒަމާނުގައި މުސްލިމުންނަށް، ސީދާކޮށް ކާފަރުންނައި ދެކޮޅަށް ޖިހާދު ކުރަން ނުލިބޭ ކަމެވެ. އެއީ ނެތް ފުރުސަތެކެވެ. ޝަހީދުންނޭ މިކިޔަން ޖެހެނީ، ތިމާގެ މުސްލިމް އަޚަކު މަރާފައެވެ! މުޅިން ވެސް ޖެހެނީ، މުސްލިމުންނާއި މުސްލިމުން ތޮޅޭށެވެ.
ހަނގުރާމަ ކުރާށެވެ. ކާފަރުން ތިބެނީ، ހަތިޔާރާއި ފައިސާ އަޅާށެވެ. ހުޅަގުން މިކަން ރާވާއި ތަންޒީމުކުރަމުން ގެންދާ ގޮތަކީ މިއެވެ. ބޮޑުހަނގުރާމަ އަށް ފަހު އުފެދުނު، އެލް އެން (ލީޤް އޮފް ނޭޝަންސް) އާއި ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އުފެއްދި، ޔޫއެން (ޔުނައިޓެޑް ނޭޝަންސް) މެދުވެރިކޮށް އިސްލާމުން ކުރިއެރިޔައެއް ނުދެއެވެ.
އަބަދުވެސް ހުދޫދީ އިމުގެ މައްސަލަ ތަކުގައި ބައިތިއްބަނީ، ހަނގުރާމަ ކުރުވުމެއްގެ ތެރޭގައެވެ. އެއްބަޔަކު އަނެއްބަޔަކައި ތަޅާފޮޅުވާފައެވެ. ދެފަހަރުމަތިން ޖިހާދުވެރިންގެ (JIHADISM) ވަރުގަދަ ހާއްޔަކަށް ޢިރާޤް ބަދަލުކޮށް ލިއެވެ. ފަހުފަހަރު ޢިރާޤް ސުންނާފަތިކޮށް ހަނގުރާމަވެރިންގެ ހާއްޔަކަށް ބަދަލުކޮށްލީ، ބުޝް އާއި ބްލެޔަރގެ ރޭވުމުގެ ދަށުން، 700,000 (ހަތްލައްކަ) މުސްލިމުން މަރާފައެވެ.
ވެރިރަށް ބަޣްދާދު އެކުގައި ހަފުސްކޮށް، ސުންނާފަތިކޮށް ލުމަށް ފަހު، އެމެރިކާ މީހުން ފޭބިއިރު، ޢިރާޤްވަނީ މުޖާހިދުންގެ ހާއްޔަކަށް ބަދަލުވެފައެވެ. ދާޚިލީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށް ލާފައެވެ. އޭރު، ދާޢިޝް އޮތީ ވުޖޫދަށް އައިސް ހަރަކާތްތެރިވާން ފަށާފައެވެ. އެމެރިކާ ބުޝް އާއި އިނގިރޭސި ބްލެޔަރގެ ފައުޖުތަކުން އެރުމުގެ ކުރިން، ޢިރާޤްގައި މިކިޔާ ހަރުކަށި މުޖާހިދުންގެ ހިލަމެއް ސިހުމެއްހާ ހިސާބުވެސް ނެތެވެ. ޝަހީދު ޞައްދާމް ގެންދެވީ، ފުރިހަމަ އަށް ކޮންޓްރޯލް ކުރައްވަމުންނެވެ.
ވެރިރަށް ބަޣްދާދު ބިނާކޮށް، ތެލުގެ ފައިދާ އިސްލާމީ އުންމަތަށް ފޯރުވައި ހައްދަވަމުން ގެންދެވިއެވެ. ހުންނެވީ އިސްލާމުންގެ ޒަޢީމެއްގެ ގޮތުގައެވެ. ދުޝްމަނު ޒައޮނިސްޓް ދައުލަތަށް މަލާމާތުގެ ރައްދުދެއްވާއި އިންޒާރު ދެއްވައެވެ. ބިރުވެރިހާލަތަކަށް އިސްރާއީލް ދައުލަތް ވައްޓާލައްވަ އެވެ.
ފަލަސްޠީން މުޖާހިދުންނަށް މަދަދާއި ހިތްވަރު ދެއްވައި ހައްދަވައެވެ. އަމިއްލަ ރައްޔިތުން ކަމުގައިވާ، ކުރުދީންގެ ދަރިކޮޅު ޢިރާޤްގެ ސަރަޙައްދީ އިމުގެ ތެރޭގައި މިނިވަންކޮށް ބައިތިއްބައިގެން ސިޔާސީ މުޢާހަދާ ހައްދަވަމުން، ގެންދެވިއެވެ.
އަދި ސުންނީ ފިކުރުގެ މުސްލިމުންނާއި ޝީޢީ ފިކުރުގެ މުސްލިމުން އެއްބަޔަކު އަނެއްބަކައި ގުޅިލާމެހި ކައިވެނިކޮށް ރީތީ އާދަކާދަތަކެއްގެ ދިރިއުޅުމެއް މަތީގައި ޞުލްޙަ ވެރިކަމުގައި ހުރިހާ ރައްޔިތުން އުފާވެރިކަމައި އެކުގައި ދެމި ތިއްބެވެ. އިސްލާމީ ޙަޟާރަތު އޮތެވެ. ފެހިކަންގަދައެވެ. އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރި ކަމެއް މުޖްތަމަޢު ތެރެއަކު ނެތެވެ. ތަރައްޤީއާއި ކުރިއެރުން ފެންނާން އޮތެވެ. މިނިވަންކަމާ އެކު އަންހެނުންނަށް މަގުމަތީގައި އުޅެވެއެވެ.
އާދެ! ފަސްދޮޅަހުގެ ފަހުގެ އަހަރުތަކަށާއި, 1970 އެޕްރީލަށް ބަލައިލަމާތޯއެވެ؟ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން، އޭނާގެ ސަލާމަތީ މުޝީރު، ކިސިންޖަރގެ ލަފާގެ މަތިން، 1970 އެޕްރީލް ގައި ކެމްބޯޑިޔާ އަށް ބޮންއެޅުމަށް އަމުރުކޮށް، “އުދުހެމުންދާ ހުރިހާއެއްޗަކަށާއި ހަރަކާތް ކުރާ ހުރިހާއެއްޗަކަށް” ބޮން އެޅުމަށް އަމުރު ކުރެއްވިއެވެ. ކެންބޯޑިޔާގެ ރަސްގެފާނު ނޫރައްދީން ސިހަނޫކްގެ ޙިމާޔަތާއި ރައްޔިތުންގެ އިންސާނީ ކަރާމަތް ހިމާޔަތްކޮށް ދިނުމުގެ ރީތި ނަމުގައެވެ. މިއުދްވާނުގެ ހަމަލާ ވެގެން ދިޔައީ، އޮމާން ރީތި ޒީނަތްތެރި ފޭރާމެއްގައި ހިންގި މާސިންގާ ޤަތުލްޢާންމް އަކަށެވެ.

ފަހެ، މިއީ ވަރަށް ނިކަމެތި ފަޤީރުންގެ އެންމެ، 5,000 މީހުންގެ މައްޗަށް އުފެދިފައި އޮތް، ޕޮލްޕޮޓްގެ ގަރިއްލާ ހަނގުރާމަ ވެރިންނަށް ޖަންގަލީ ތެރެއިން ނުކުމެ ފާޅުގައި، ކެންބޯޑިޔާގެ ރަސްކަމާ ކުރިމަތިލައި ކާމިޔާބު ހޯދުމަށް މަގުފަހި ވެގެންދިޔަ ކަމަކަށެވެ. އޭރު ޕޮލްޕޮޓްގެ ޙަރަކާތް ފަށައިގަތީ، ކޮމިއުނިޒަމްގެ ނަމުގައެވެ. އެފިކުރު ފެތުރުމަށެވެ. އެހެންވެ އެފިކުރައި ދެކޮޅަށް ރަސްގެފާނައި އެކު އެމެރިކާއިން ފާޅުގައި ނުކުމރ ހަމަލާދިނީއެވެ. ރަށަކަށް ފަހު ރަށަކަށް، ވަކިވަކި އަވަށް ތަކަށް ދާންދެން ބޮންއެޅީއެވެ.
އެތައްބަޔަކު މެރިއެވެ. އެހެނަސް ފަހުން ޕޮލްޕޮޓްގެ ޖަމާޢަތުން ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަޓިކް ޕާޓީއެއް ވުޖޫދަށް ގެނެސް، ކެމެރޫޖް (KHMER ROUGE) ގެ ނަމުގައި ފަށައިގަތުމުން، ޕޮލްޕޮޓްގެ މިޖަމާޢަތަށް، ކެންބޯޑިޔާގެ ރަސްކަމުގެ މައްޗަށް ބާރުވެރި ވުމުގައި އެންމެ ގަދަޔަށް ވާގިވެރިވީ އެމެރިކާއިން ނެވެ. ނިކްސަން އާއި ކެސިންޖަރގެ ޢަސްކަރީ ލަޝްކަރުތަކުން އެޅިބޮންތަކުގައި ކެންބޯޑިޔާގެ، 600,000 (ހަލައްކަ) ރައްޔިތުން މަރުވެގެން ދިޔައިރު، ޕޮލްޕޮޓްގެ ކެމެރޫޖް ލަޝްކަރުވަނީ އެތައްގުނައެއް އިތުރުވެފައެވެ.

ޢަސްކަރީ ބާރުވެރި ލަޝްކަރަކަށް ބަދަލުވެފައެވެ. ފަހެ، ޕޮލްޕޮޓް އާއި އޭނާގެ ޑިމޮކްރެޓިކް ކެމެރޫޖް ޕާޓީ، ކެންބޯޑިޔާގައި ވަރުގަދަ ބާރަކަށް ވެގެންދިޔައީ، ޢިރާޤް އާއި ސޫރިޔާގައި ދާޢިޝް، އެމެރިކާއިން އުފައްދައިދިން ބާރަކަށް ވެގެންދިޔަ ގޮތަށެވެ. އޭރު ޕޮލްޕޮޓްގެ ކެމެރޫޖްއޮތީ ވަރުގަދަވެ ބޮޑުވެގެން ގޮސް ބިރުގަންނަ ވަރުގެ، 200,000 (ދެލައްކަ) ޢަސްކަރީންގެ ބިޔަ ލަޝްކަރަކަށް ބަދަލުވެފައެވެ. ލީޑަރަކީ، ޒަޢީމް ޕޮލްޕޮޓްއެވެ. މިޕޮލްޕޮޓް އަކީ ދުނިޔޭގައި އުފެދުނު އެންމެ ނުލަފާ ޖައްބާރު އަދި އެންމެގިނައިން މީހުންމެރި އަނިޔާވެރި ވެރިޔާއެވެ.
އާދެ! އެމެރިކާގެ އޮބާމާ އޮފީހުން، އެމަނިކުފާނު އިސްލާމުންނާ ދެކޮޅަށް އިޢުލާނުކުރި ހަތްވަނަ ހަނގުރާމަ އައި ގުޅިގެން، ދުނިޔޭގެ އެންމެމަތީ އިނާމު ކަމުގައިވާ، ނޯބަލް ޕީސް ޕްރައިޒް (NOBLE PEACE PRIZE) އެރުވުނެވެ. އަނެއް 6 ގައޔމަކީ، އަފްޣާނިސްތާން، އިރާގު، ޕާކިސްތާން، ސޯމާލިއާ، ޔަމަން، އަދި ލީވިއާއެވެ.
އަދި އެހެންމެ، ސޯވިއެޓްޔުނިއަން (ރަޝިޔާ) އިން، އަފްޣާނިސްތާން އަށް ޢަސްކަރީ ލަޝްކަރު ފޮނުވައި އެރަށަށް އެރުމައި ގުޅިގެން އެމެރިކާއިން، ޕާކިސްތާނުގެ އޭރުގެ ވެރިޔާ، ޖެނެރަލް ޟިޔާއުލްޙައްޤް އަށް މަދަދާއި އެހީތެރިކަން ފޯރުކޮށްދީ، ކޮމިއުނިޒަމާ ދެކޮޅަށް ޕާކިސްތާނުގެ އިސްލާމީ ލަޝްކަރު ނެރެ އަފްޣާނިސްތާން ބޯޑަރގައި އެފައުޖުތައް ލައްވައި ގަދަޔަށް ހަތިޔާރާއި ފައިސާ ދީގެން ހަނގުރާމަ ކުރުވިއެވެ.
އަދި، 1980 ގެ އަހަރުތަކުގައި ޔޫއެސްއެސްއާރު (ރަޝިޔާ) ލަޝްކަރައި ދެކޮޅަށް އަފްޣާނިސްތާނުގައި ހަނގުރާމަ ކުރުމަށް، އަލްޤާޢިދާ އުފައްދާއި ދުނިޔެއަށް ނެރެ މަޝްހޫރުކުރީ، ޔޫއެސްއޭ (އެމެރިކާ) އާއި އިސްރާއީލް އިންނެވެ. ސަޢޫދިޔާއިން ކިޔަވާ ކުދިންނަށް ދާންދެން އެމެރިކާގެ އެހީގައި ޕާކިސްތާނަށް ކޭންޕުތަކަށް ފޮނުވުނެވެ. ޢަސްކަރީ ތަމްރީނުތައް ދެވުނެވެ. ފާކިސްތާނުގައި ބިންލާދިންގެ އިސްލާމީ މުޖާހިދުންގެ ލަޝްކަރުތައް ރުކުވާލަދިނީ އެމެރިކާގެ އެހީއާއި ބާރުގައެވެ.
އަދި ހަތިޔާރުން ބާރުވެރިކޮށް އަލްޤާޢިދާ ނަގައި ކޮޅަށް ޖެހީ، އިސްކޮށް އެމެރިކާ އޮވެގެންނެވެ. މިޖަމާޢަތަށް ފައިސާ އޮއްސަމުން ގެންދިޔައީ، އެމެރިކާގެ ސިއްރު ޖާސޫސީ އިދާރާ ކަމުގައިވާ، ސީއައިއޭ އިންނެވެ. އަދި އިސްރާއީލުގެ މޮސާޑުންނެވެ. އަދި އިނގިރޭސިންގެ “އެމްއައިހައެއް” އިންނާއި އިންޑިއާގެ “ރޯވ” އިންނެވެ.

ގްރޭޓްޖިހާދުގެ ނަމުން ބިންލާދިންގެ ޙަރަކާތަކަށް ނަންދީ، ފުރަތަމަކޮޅުގައި އިނާމުތަކާއި ފަޚުރުވެރި ލަގަބުތައް ޕާކިސްތާނާއި ބިންލާދިންގެ އިސްލާމީ ލަޝްކަރަށް އެރުވިއެވެ. އެހެނަސް ފަހުން، ސިޔާސީ ރާޒުވާކުޅިގަނޑު ނިންމާލީ، ޖެނެރަލް ޟިޔާއުލްޙައްޤު އޭނާގެ އެންމެމަތީ ހުރިހާ ޖެނެރަލުންނާ އެކު ދަތުރުކުރަމުން ދިޔަ ބޯޓުވައްޓާލާއި އެންމެން މަރާލާއި ބިންލާދިން ޕާކިސްތާނުގައި ދިރިއުޅެމުން ގެންދެވި ގެއަށް ދަންވަރު ހަމަރާލާދީ އުސާމާ ވެސް މަރާލާފައެވެ.
ބިންލާދިން އަކީ. ސަޢޫދީ ރައްޔިތެއްކަމާއި ސަލަފީ ޢަޤީދާގެ އަހުލުވެރިއެއް ކަމާއި މަލްޓި ބިލިޔަނަރެއް ކަން އެމީހުންނަށް އެނގުނުކަމަށް ހެދީ، ކޮމިއުނިޒަމާ ދެކޮޅަށް އަފުޣާނިސްތާނުގައި ހަނގުރާމަ ކުރުވައި އެތައްލައްކަ އިސްލާމުންނެއް މަރައި ނިމިދިއަ ފަހުންނެވެ. މިއީ މޮސާޑާއި ސީއައިއޭގެ ރޭވުމެވެ. ފަހެ، އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން މުޖާހިދުންގެ އިސްވެރިންނައި އެމަނިކުފާނުގެ ރަސްމީ އޯވަލްއޮފީހަށް ދަޢުވަތުދީގެން ގެންގޮސް ބައްދަލުކޮށް ހެއްދެވިއެވެ. އެއްކޮޓަރިއެއްގައި ތިބެ، ހަދިޔާބަދިޔާ ބަދަލުކޮށް ހެއްދެވިއެވެ.
އަދި، 1983 ގައި އިސްލާމީ މުޖާހިދުންނަކީ، ފްރީޑޮމް ފައިޓަރުންނޭ ބުނެ ނަންދެއްވާ ހެއްދެވިއެވެ. އެންމެ ޒަމާނީ ހަރިޔާރު ފޯރުކޮށް ދިނުމާއި އެހަތިޔާރުތަކަށް އަހްލުވެރި ކުރުވުމުގެ ގޮތުން އެންމެ ޒަމާނީ ފެންވަރުގެ ތަމްރީނުތައް އިސްރާއީލީންނާއި އެމެރިކާނުން އިސްވެތިބެ މުޖާހިދުންނަށް ދެވުނެވެ. އަދި ކޮނޑާއި އަތްމަތީގައި ގެންގުޅޭލުއި އެންމެ ޒަމާނީހަތިޔާރުތައް މުޖާހިދުންނަށް ފޯރުކޮށް ދިނެވެ. އޭގެތެރޭގައި މުޖާހިދަކު އަމިއްލައަށް އޭނާގެ ކޮނޑުމަތިން މިސައިލް ފޮނުވާލައި އުދުހެމުންދާ ބޯޓު ވައްޓާލައި ހެދޭވަރުގެ ކުޅަދާނަ ހަތިޔާރު ހިމެނުނެވެ.
އަޅުގަނޑުމެން އިސްލާމުން ދަނެގަންނަންވީ، އެމެރިކާއިން އެސިފަކުރާ ފްރީޑޮމް ފައިޓަރސް މުޖާހިދުންނަކީ، އަލްޤާޢިދާ އާއި ދާޢިޝް ހަނގުރާމަ ވެރިންގެ ބަފައިންނާއި ކާފައިން ކަމުގައެވެ. އަސްލުގައި ހެޔޮނިޔަތުގައި ދީނަށް ނަސްރުދިން މީހުންނެވެ. އާދެ، އެވެރިންގެ ކާބަފައިން ކަމުގައިވާ އެބުނާ ފޯރފާދާސް އެވެ. ރަޝިޔާގެ އެންމެ ފަހު ޢަސްކަރީ ޖަމާޢަތް، 1989 ގައި އަފްޣާނިސްތާނުން ފޭބުމުން، މުޖާހިދުން މަޑުންތިބީކީ ނޫނެވެ.
އެމެރިކާއިން އަފުޣަނިސްތާނަށް ބޮންއަޅައި ގޮނޑިކޮއްކޮ ސަރުކާރެއް ގެނައުމުން ފަރުބަދަތަކަށް ފަހަތަށް ޖެހިލައި އަލުން އުފަން ފަސްގަނޑުގެ ދިފާއުގައި ހަނގުރާމައެއް ފެށީއެވެ. އެ ގުރޫޕު މަޝްހޫރު ވެގެން ދިޔައީ އަފުޣާނިސްތާނު ތާލިބާނުންގެ ނަމުންނެވެ. ދެން އެމެރިކާ އިސްވެ އޮވެ ޖިހާދު ކުރުމަށް ކުދިކުދި އެތައް ޖަމާއަތްތަކެއް ފަންޑުދީގެން އުފެއްދިއެވެ. އެޖަމާއަތްތަކުން މިހާރު ވެސް އެގެންދަނީ މުސްލިމުން މަރަމުންނެވެ. ހަރުކަށި މުސްލިމުންނޭ މިކިޔަނީ އެޖަމާއަތް ތަކަށެވެ. މިއީ ހުޅަގުންނާއި އިންޑިއާއިން ރާވާއިގެން އުފެއްދި ފާސިދު ހަނގުރާމަވެރި ގުރޫޕުތަކެކެވެ.
ޝާމުކަރައިގައި އެމެރިކާއާއި މިގުރޫޕުތަކުގެ އަތްގަދަކުރީއެވެ. އަލްޤާޢިދާގެ ހިތްވަރުގަދަ މުޖާހިދުން އުސާމާ ބިން ލާދިން އައި އެކު އަފުޣަނިސްތާނުގައި ގައިމުވެ ތިބީއެވެ. އެއީ އިސްލާމީ ޢަޤީދާގެ އަހްލުވެރިންނެވެ. އަފުޣާނިސްތާނު ތާލިބާނުން އަފުޣާނިސްތާނުގައި ވެރިކަމެއް އުފެއްދުމުން އެމީހުންގެ ބާރު ދުއްވާލުމަށް އެމެރިކާގެ ޓުވިންޓަވަރު ހާދިސާ ރާވައިގެން ވުޖޫދަށް ގެނުވައި އަފުޣަނިސްތާނަށް އެމެރިކާއާއި ޔޫރަޕުގެ ނޭޓޯއިން ވެރިވީއެވެ. އަފުޣާނިސްތާނުގެ އަސްލު ތާލިބާނުން އާރޫހެއްގައި އުލާވެ ބާރުވެރުވީ މިހާހިސާބުންނެވެ.
އަފުޣާނިސްތާނު ތާލިބާނުންނަކީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ މަދަދުގައި އުފެއްދި އިސްލާމީ ދައުލަތުގެ އަމީރުލްމުއުމިނީންއަށް ތަބާނުވެ، ﷲގެ މަގުގައި ޖިހާދުގައި ދެމި ތިބި މީހުންނެވެ. މިމީހުންގެ ސަބަބުން ދާޢިޝް މުޅި ދުނިޔެއަށް ފަޅާއަރާއި ބާރުގެއްލި ފެއިލް ވެގެން ދިޔައީއެވެ. އަދި އެމެރިކާ ސެޕުޓެމްބަރު އެގާރަ ގެނެސްގެން އެބަހަނާގައި އަފުޣާނިސްތާނަށް އެރުމުން ފަރުބަދަ ތަކުގައި ފިލާ ތިބެގެން ޖިހާދު ކުރިޔަށް ގެންދިޔައީ ތާލިބާނުންގެ މިޖަމާއަތުންނެވެ.
ފަހެ، އެމެރިކާއިން ބާރުވެރިކުރުވައި އެންމެފުރަތަމަ އުފެއްދީ ޞައްދާމް ޙުސައިންއެވެ. ދެން ބިންލާދިން އާއި އޭނާގެ އަލްޤާޢިދާ އެވެ. ދެން ދާޢިޝް އެވެ. 23 ފޮތެއް ލިޔުއްވާފައިވާ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ، ރިޗަރޑް ރޮޑްސް (RICHARD RHODES, born 1937) ލިޔުއްވާފައި ވެއެވެ.
“ޞައްދާމް ޙުސައިން އަކީ، ޔޫއެސްއޭގެ ޕޮލިސީތަކުތެރެއިން އުފެއްދި ފުރަތަމަ ރަންނަމާރިއެވެ. ދެވަނައަށް އަލްޤާޢިދާ އެވެ. ތިންވަނަ އަށް އައިސިލް “އިސްލާމީ ދައުލަތް” އެވެ.”
އޭނާގެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި، ދަ މޭކިން އޮފްދަ އެޓޮމިކް ބޮމް (THE MAKING OF THE ATOMIC BOM) އާއި ޑަރކްސަން (DARK SUN: THE MAKING OF THE HYDROGEN BOM) އާއި ދަ ޓްވައިލައިޓްސް އޮފް ދަ ބޮމްސް (THE TWILIGHT OF THE BOMS) މިފޮތަތައް ހިމެނެއެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގައި ސިޔާސީކަންކަން ރޭވިފައިހުރީ، ސިޔާސީ ރާޒުވާ ކުޅިގަނޑެއް ހެންނެވެ. އިސްލާމުން ރޫޅާލައި ނިކަމެތިކޮށް އަބަދުވެސް ހަނގުރާމާގައި ބޭތިއްބުމަށެވެ. ބޮނދަކީ މުޅިދުނިޔޭގެ ރަސްގެފާނެވެ. މިހާރުނަމަ، އެމެރިކާއެވެ. މަންތިރިއަކީ ރާނީއެވެ. ބޮޑުބޮލަކީ، ރަސްގެފާނުގެ ދީން ދަމަހައްޓައިދޭ ފާދިރީންގެ ވެރިންނެވެ. އަސްތަކަކީ ލަޝްކަރެވެ. ރިޔަލަކީ އިންފާރެވެ. މަނާތަކަކީ، އިސްލާމުންނާއި ދުނިޔޭގެ އެކި ދީންތަކާއި އެކިފިކުރުގެ ޤައުމުތަކެވެ.
މިހުރިހާ ޤައުމުތައް ތަބާވެ ތިބެންޖެހޭނީ، ދުނިޔޭގެ ރަސްގެފާނުގެ ދަށުގައެވެ. ޑީޕް-ސްޓޭޓުދަށުގައެވެ. ހުޅަގުގެ ފަންޑިތުން، (އެދުރުން) ދެކޭގޮތުގައި، އެމީހުންގެ ޤައުމުތަކުގައި ހަރުކަށި މުޖާހިދުންގެ ހަށުކަށިކަން ހިންގައި ޙަމަލާތައް ރާވާ ދިނުމަކީ، ދުނިޔޭގައި ތިބި ދެބިލިއަނައި ގާތްކުރާ މުސްލިމުންގެ ބޮލުގައި ގަސްދުގައި އަޅުވަމުން ގެންދާ ބޮޑުޖަރީމާ އެކެވެ. މުސްލިމުންނަކީ، މުޅި ގްލޯބަލް ދުނިޔޭގެ އާބާދީގެ 23% އެވެ. އިސްލާމީ ދީނަކީ އަދި އިސްލާމީ އުންމަތަކީ އެންމެބާރަށް ދުނިޔޭގައި ކުރިއަރަމުން، ފެތުރެމުން އަންނަ ދީނެވެ. އަދި އުންމަތެވެ.
ހަމައެހެންމެ ހުރިހާ އިސްލާމުންގެ އަދި އިސްލާމީ އުންމަތުގެ ބޮލުގައި އެޖަރީމާތައް އެޅުވޭނެ އެއްވެސް ހުއްޖަތެއް އަދި އެއްވެސް ހަމައެއް ނެތެވެ. އެއީ ދުނިޔޭގެ ބާރުގަދަ ރަސްގެފާނުގެ ރަސްކަން މުޅި ދުނިޔެއަށް ފެތުރުމަށް ރާވާރޭވުން ތަކެވެ. އަދި ހިންގާ ބޮޑެތި ޖަރީމާތަކެވެ.
ފަހެ، މިއީ ދުނިޔޭގައި ވެރިކަން ކުރަމުން އަންނަ އެމެރިކާ (ޔޫރަޕް އާއި ހުޅަގުން) އިން މިކަން ރާވާފައިވާ ހީލަތްތެރި ގޮތެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ ސޫރިޔާ އާއި ޢިރާޤްގެ އަދުގެ ހާލަތެވެ! އަދި އިސްލާމީ އުންމަތުގެ ހާލަތެވެ!
ޢަލަވީން:
އަލްވައިޓްސް (ALAWITES) އަކީ، ޢަލަވީންނެވެ. ޙާފިޒް އަލްއަސަދް އާއި ބައްޝާރު އަލްއަސަދް ގެ ޢާއިލާއަކީ، ޢަލަވީ ދަރިކޮޅުގެ ޢަލަވީންނެވެ. މިއީ ޢަލީ ބިން އަބީޠާލިބް އަށް، އަމިއްލައަށް ނިސްބަތް ވެގަނެގެން އުޅޭ ދަރިކޮޅެކެވެ. މިމީހުންގެ ރަމްޒު އަކީ، ޢަލީގެ ފާނުގެ ކަނޑިކޮޅަށް ނިސްބަތްކޮށް ޒުލްފިޣާރް އެވެ. ކަނޑިއެކެވެ. ކޮޅުދެކަފި ވެފައިހުންނަ ކަނޑިއެކެވެ. މިކަނޑިއަކީ، ޢަލަވީންގެ ރަމްޒެވެ. އަލާމާތެވެ.

ޒައޮނިޒަމްގެ މީހުންގެ ރަމްޒަކީ، ދާއޫދުގެ ފާނުގެ ހަކަންލީ ތަރިއެވެ. އެއީ އެމީހުންގެ ރަމްޒު އެވެ. އަލާމާތެވެ. ޔަހޫދީން ހަކަންލީތަރީގެ ކާލިގަނޑުގެންގުޅޭ ގޮތަށް ޢަލަވީން ގެންގުޅޭ ނިޝާނެވެ. ފަހެ، ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ޢަލަވީންގެ ބާރު ކެނޑިފައި ވަނިކޮށް ފްރާންސް އިން އަނެއްކާވެސް މިޚުރާފީ، އިސްތިޢުމާރީ މަޛްހަބް ދުނިޔެއަށް ނެރެ ދިރުވައި ދިނީއެވެ. އަލުން އުފަންކުރީއެވެ.
ޢަލަވީ މަޛްހަބް އަކީ، މީލާދީން، 8 ވަނަ ޤަރްނު ގައި ނުޞައިރިއްޔާ އަށް ނިސްބަތްވާ އިބްނު ނުޞައިރު، އޭ ކުޔުނު، ޝީޢީންގެ ބޮޑު އިމާމަކު ޢަލީގެ ފާނަށް ނިސްބަތްކޮށް އުފެއްދި އިސްތިޢްމާރީ އަދި ޚުރާފީ މަޛްހަބް އެކެވެ. ޝީޢީންގެ އެންމެމަތީ، 12 އިމާމް އިންގެ ތެރެއިން އިބްނު ނުޞައިރް އަކީ، 10 ވަނަ އިމާމްއެވެ. ޢަލަވީ މަޛްހަބް ދިރުވާއި މަދަދާއި އެހީތެރިކަން ދިނީ އިނގިރޭސިން ނާއި ފްރާންސް އިންނެވެ.
ޢަލަވީން ނަށް ފްރާންސުން ތާއީދުކޮށް ޢަސްކަރިއްޔާ އިން ފުރުޞަތުތައްދީ ކިޔަވައިދީ ހެދީ ސުންނީ މީހުން ކުރިއެރިޔަ ނުދިނުމުގެ ނިޔަތާއި ބޭނުމުގައެވެ. މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލަޝްކަރު ފަދަ ލަޝްކަރެއް އެނބުރި އަޔަނުދިނު މަށެވެ. އޭރުގައި އޮތްކަހަލަ އިސްލާމީ އުންމަތެއް، އަދި މަދީނާމުނައްވަރާ ގައި އޮތްކަހަލަ އިސްލާމީ ރިޔާސަތެއް ފެނިދާނެތީ،އެކަމުގެ ބިރަށް މުސްލުމުން ބައިބައި ކުރުމަށެވެ. ސުންނީންނާ ދެކޮޅަށް ޢަލަވީން ގަދަފަދަކޮށް ޢަސްކަރީ މަޤާމް ތަކަށް އުފުލައި ދިނީ ފްރާންސް އިންނެވެ. މިއީ އިނގިރޭސިން އަޑީގައި ތިބެގެން ފަރަންސޭސީން ލައްވާ ހިންގުވި ޖަރީމާ އެކެވެ.
ފަހެ، ސޫރިޔާގައި ޢަލަވީންގެ ބާރު އަދިވެސް، އެއްވެސް ބަދަލެއް ނައިސް ގަދަފަދަ ކަމާއެކު ދަނީ ކުރިއަށެވެ. މިހާވަރު ވެގެންދާ އިރުވެސް ޞައްދާމް ޙުސައިން އާއި މުޢައްމަރު އަލްޤައްޒާފީ އަށް ހަދާލިގޮތް ހަދާނުލާ ހުޅަގުންނާއި ޔޫރަޕްއިން އެތިބެނީ، ޢަލަވީންނަށް ވާތީއެވެ. ސުންނީންގެ ބައެއްނަމަ، މިހާރު ހަފުސްކޮށް ލާއި ނިންމާލައި ފީހެވެ.
ޢަލަވީން އެކުގައި ނެތިކޮށްލާ ދުއްވާލައި ފިއްޔާ ސުންނީންގެ ބާރު، އަނެއްކާ ވެސް އިންތިހާއަށް ގަދަފަދަ ވެދާނެތީ އެކަމުގެ ބިރަށެވެ. ޢަލަވީ ދަރިކޮޅުގެ މީހުން މިހާރު ދުނިޔޭގެ އެތަންމިތާގައި ވަޒަންވެރި ވެގެން އެބައުޅެއެވެ. މިފަދަ އިސްތިޢްމާރީ އަދި ޚުރާފީ މަޛްހަބް ތަކަކީ، އިނގިރޭސިން އުފައްދާއި ދިރުވާއި ބަލަހައްޓަމުން ގެންދާ ލާދީނީ ޚުރާފީ މަޛްހަބް ތަކެވެ.
ޕެރިސް ޕީސް ކޮންފަރެންސް:
ޕެރިސް ޕީސް ކޮންފަރެންސް (PARIS PEACE CONFERENCE) އޮތީ ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. ފެށުނީ، 18 ޖެނުއަރީ 1919 ވަނަ ދުވަހުއެވެ. މިއީ މުޅި އަހަރަށް ދެމިގެންދިޔަ، ނިމުމެއްނެތް ކޮންފަރެންސް އެކެވެ. ފަހެ، ބޮޑު ހަނގުރާމަ އަށް ފަހު، ހަނގުރާމަ ކުރި ދެފަރާތް ކަމުގައިވާ އިއްތިޙާދީން (ALLIED POWERS) މޮޅުވުމުން ބަލިވި ފަރާތްތަކާ އެކު، ޞުލްޙަވެރިވެ އެއްބަސް ވުންތަކެއް ހެދުމަށް، ބޮޑު ހަތަރުބާރުން، އުފާފާޅުކޮށް ބިންތައް ބެހުމަށް ބޭއްވި ކޮންފަރެންސް އެކެވެ. 27 ދައްލަތުން ވަފުދުތައް ބައިވެރިވި އެވެ.
އަދި، 32 ރަށުން ޑިޕްލޮމޭޓުން، މިބައްދަލުވުން ތަކުގައި ޖޮއިން ކުރިއެވެ. އެއްހާސް ހަސަތޭކަ ސާޅީސް ހަ އިށީނުން ރިޕޯޓްތައް ތައްޔާރު ކުރުމަށް ބޭއްވުނެވެ. 52 ކޮމިޝަން އުފެއްދިއެވެ. އެތައް ބައިވަރު ޕީސް ޓްރީޓީތައް އެކުލަވާ ލެވުނެވެ. ބަލިވި ޖަރުމަން ވިލާތާ އެކު، 15 ޗެޕްޓަރގެ، 440 މާއްދާގެ އެއްބަސް ވުމެއް ހެދުނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން، އެބައެއްގެ ޙައްޤުތައް ހޯދުމުގެ ބޭނުމުގައި ވަފުދުތައް ޕެރިހަށް ދަތުރު ކުރަމުން ދިޔައެވެ.
މުޅި އެއަހަރު ނިމެންދެން، އެއްބަޔަކު އައިސް އަނެއް ބަޔަކު ގޮސްހެދިއެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ދުނިޔޭގެ އެންމެންގެ ވެރިރަށަކަށް އެދުވަސްކޮޅު ބެލީ، ޕެރިސް އެވެ. އެންމެން ވެސް އެބައެއްގެ، ޙައްޤުތައް ހޯދަން ދަތުރުކުރީ އެދިމާއަށެވެ. ފުރަތަމަ ބައިންލްއަޤްވާމީ ޖަމްޢިއްޔާ، "އެލްއެން" އުފެދުމާ ހަމައަށް މިކަންއޮތީ މިގޮތަށެވެ.
ފަހެ، މިކޮންފަރެންސްގެ މައި، 4 ފަރާތަކީ، އިނގިރޭސި ވިލާތާއި ޔޫއެސްއޭ އާއި ފްރާންސް އާއި އިޓަލީ އެވެ. ޔޫއެސްއޭ އިން ބައިވެރިވީ އެމެރިކާގެ، 28 ވަނަ ރައީސް ވުޑްރޯ ވިލްސަން (THOMAS WOODROW WILSON, 28 DEC 1856 – 3 FEB 1924) އެވެ.
އިނގިރޭސި ވިލާތުން ބައިވެރިވީ، އޭރުގެ ބޮޑު ވަޒީރު، ޑޭވިޑްލޮއިޑް ޖޯރޖް (DAVID LLOYD GEORGE, 17 JAN 1863 – 26 MAR 1945) އެވެ. ޞުލްޙައިގެ މިބައްދަލު ވުމުގައި މައިގަނޑު ރޯލެއް އަދާ ކުރެއްވީ މިބޭފުޅާއެވެ. އިސްލާމީ އުންމަތުގެ ބިންތައް އަޅުވެތިކުރުމުގެ މޭސްތިރިއަކީ، ވެސް މީނާއެވެ.
އަދި މީނާއަކީ، މަސީޙީންގެ އެދުރެކެވެ. ކްރިސްޗިއަނެކެވެ. ނަސާރާއެކެވެ. ޔަހޫދީއެއް ނޫނެވެ. ފްރާންސް އިން ބައިވެރިވީ، ފްރާންސްގެ ޕްރައިމިނިސްޓަރ ޖޯރޖަސް ބެންޖަމިން ކްލެމެންސިއު (GEORGES BENJAMIN CLEMENCEAU, 28 SEP 1841 – 24 NOV 1929) އެވެ. މިއީ ރެޑިކަލް ޕާޓީގެ ލީޑަރ އެވެ.
އިޓަލީން ބައިވެރިވީ، އިޓަލީގެ ޕްރައިމިނިސްޓަރ ވިޓޯރިއޯ އޯލަންޑޯ (VITTORIO EMANUELE ORLANDO, 19 MAY 1860 – 1 DEC 1952) އެވެ. މިއީ އިޓަލީގެ، 23 ވަނަ ޕްރައިމިނިސްޓަރ އެވެ. މި، 4 ބޭފުޅުން އެކުގައި ނުރަސްމީކޮށް މިބައްދަލު ވުމުގެ ތެރޭގައި، 145 ފަހަރު ބައްދަލުވި އެވެ. މައިގަނޑު ނިންމުންތައް މަޝްވަރާކޮށް ނިންމަނީ، މިހަތަރު ބޭފުޅުންގެ މެދުގައެވެ. އެހެން މީހުންގެ މެދުގައި ތާއީދުކުރެވި ތަޞްދީޤް ކުރެވިގެން ދަނީއެވެ.
ފަހެ، މިކޮންފަރެންސްގެ ނިންމުމެއްގެ ގޮތުގައި ހުރިހާ ޤައްމުތައް ބައިވެރިވެގެން ޤައްމުތަކުގެ މެދުގައި ދިމާވާކަންކަން ޞުލްޙަވެރިކަމާ އެކު ޙައްލުކޮށް ނިންމާނެ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ވުޖޫދަށް ގެނައެވެ. އެއި ލީގް އޮފް ނޭޝަންސް (އެލްއެން) (LEAGUE OF NATIONS – LN) އެވެ. ބައިނަލް އަޤްވާމީ މިޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އުފެދެންދެން، 1919 އިން ފެށިގެން، 1946 ވަނަ އަހަރައި ހަމައަށް ދެމިއޮތެވެ. އޮފިޝިއަލް ބަސްތަކަކީ، އިންގްލިޝް، ފްރެންޗް އަދި ސްޕެނިޝް އެވެ.
ފަހެ، މިކޮންފަރެންސް ގައި ޖަރމަން އާއި ޖަޕާން އާ އެކު ހެދުނު އެއްބަސްވުން ތަކުގައި ވަރަށް މައްސަލަތައް ޖެހުނެވެ. ޖަޕާނުން ވަރަށް ބިޔަ ވަފުދެއް މިބައްދަލު ވުމަށް ފޮނުވިއެވެ. ޖަރމަން އެއްބަސް ވުމުގައި އޮންނަ ހަނގުރާމައިގެ ބަދަލު ދިނުމުގެ، 231 ވަނަ މާއްދާ ބުނާގޮތުން، 20 ބިލިއަން ގޯލްޑް މަރކްސް އިނގިރޭސިން ނަށް ޖަރުމަނުން ދައްކަން ޖެހެއެވެ.
މިކަމަކީ، ޖަރމަން ތެރޭގައި ވަރަށްގިނަ މައްސަލަތައް އުފެދި އަމިއްލަވަންތަ ކަމާއި ޤައްމިއްޔަތު ދިރިގެން ދިޔަ ކަމަކަށް ވިއެވެ. އެޑޯލްފް ހިޓްލަރ ޤައްމީ ބަޠޮލް އަކަށްވެ ދެވަނަބޮޑު ހަނގުރާމަ ކުރަންޖެހުމުގެ އަޞްލަކަށްވީ، މިމައްސަލައެވެ.
ޔޫރަޕްއަކީ، އަބަދުވެސް ވަރަށް ބޭއިންސާފަށް ކަންތައްކޮށް ފައިދާނެގުމުގެ ވަރަށް މަތީ ބައެކެވެ. ބައިވެރި ވެގެން ކުރާ ކޮންމެ ހަނގުރާމަ އަކުންވެސް ވިޔަފާރި އުޞޫލުން ފައިދާ ހޯދާނެއެވެ. ފަހަކަށް އައިސް މެދުއިރުމަތީގައި ހިންގި ހަނގަރާމަ ތަކުގައި ވެސް ކަންކުރީ އެހެންނެވެ.
އަދި މިހާރުވެސް، މެދު އިރުމަތީގައި ހިންގާ ހަނގުރާމަ ތަކުގެ ބަދަލު އެމީހުން ކޮންމެވެސް ގޮތަކުން ނަގައެވެ. ނަގުދު ފައިސާ ހޯދާނެއެވެ. ފަހެ، އިސްލާމުން ކުރިއަރައިގެން ދިޔަނުދިނުމަށް އެޅެންހުރި ހުރިހާ ހުރަސްތަކެއް ދުރާލައި ރާވައިގެން އަޅަމުން ގެންދާނެއެވެ.
އެމެރިކާގެ ދައުރު:
ބޮޑު ހަނގުރާމަ އާއި ޕީސް ކޮންފަރެންސް ގައި އެމެރިކާގެ ދައުރަކީ، މާ އިސް ދައުރެއް ނޫނެވެ. އެމެރިކާ އަކީ، ވަރަށް ފަހުން، 6 އެޕްރީލް 1917 ގައި އެލައިޑް ބާރުގައި ބައިވެރިވެ، ހަނގުރާމަ އަށް ނުކުތް ޤައްމެކެވެ. އެމެރިކާގެ އޭރުގެ ރައީސް ވުޑްރޯ ވިލްސަން ބޮޑު ހަނގުރާމަ އަށް ނުވަންނަވައި ލަސްކުރެއްވީ، ވަކިއަތަކަށް ނުޖެހި ވަޑައިގަތުމުގެ ބޭނުމުގައެވެ. އެ މަޤްޞަދް ގައެވެ. ކޮންގްރެސް ގައި މިކަމަށް ނެގި ވޯޓްގައި ދެކޮޅަށް ވޯޓްދެއްވި ސެނެޓަރުން ތިއްބެވިއެވެ.
ޕީސް ކޮންފަރެންސް ގައި ނިންމުނު ބައެއް ކަންތައް، ވުޑްރޯގެ ވިސްނުންފުޅާ ވަރަށް ތަފާތުކޮށް ނިމިގެން ދިޔައެވެ. ޚާއްޞަކޮށް ބަލްފޯރ ވަޢްދުގެ ކަންތަކެވެ. ވުޑްރޯއަކީ، އެމެރިކާގެ، 28 ވަނަ ރައީސުލް ޖުމްހޫރިއްޔާ އެވެ. ޕީސް ކޮންފަރެންސް ގައި އެމެރިކާއިން ބޭނުންވީ، ގިނަކަންތައްތައް ވަރަށް އިންސާފު ވެރިކޮށް ގެންދާށެވެ

ރައީސް ވުޑްރޯގެ ވިސްނުންފުޅު ހުރީ، އަނެއްތިން ބޭފުޅުންނަށް ވުރެ، ތަންކޮޅެއް އިންސާފާއެކު ޢުޘްމާނީ ޚިލާފަތްގައި ހުރި ތުރުކީނޫން ބިންތަކަށް ހަދާނެ ގޮތެއް ނިންމުމުގެ ކުރިން، އެސަރަޙައްދު ތަކުގެ ރައްޔިތުންގެ ވިސްނުމާއި ޚިޔާލް ހުރި ގޮތުގެ ރިޕޯޓެއް، ވަކިފަރާތަކަށް ނުޖެހޭ ބަޔަކު ފޮނުވައިގެން ހޯދުމަށެވެ.
އެންމެ ފަހުން މިކަން ކުރުމަށް އެހެންފަރާތް ތަކުގެ އެއްބާރުލުން ނުލިބިގެން، މިކަން ކުރަން ޖެހުނީ، އެމެރިކާ އެކަނި އިސްނަގައިގެން ކުރާކަމެއްގެ ގޮތުގައެވެ. ވުޑްރޯ އަމިއްލަފުޅަށް އެސަރަޙައްދަށް ކޮމިޝަނެއް ފޮނުއްވައި ރިޕޯޓެއް ހެއްދެވީއެވެ. ފަހެ، އިނގިރޭސިން ނާއި ފްރާންސް އިން މިކަމާ އަޅާލުމެއް ނުދިނެވެ. އިނގިރޭސިން ނާއި ފްރާންސްގެ އަމާޒަކީ، މާކުރިން ސެޓްވެފައި ހުރި އަމާޒް ތަކެވެ. މާކުރިން ހުރީ ސިއްރު ވަޢްދުތައް ވެފައެވެ. ފަހެ، ސިއްރުންނާއި ފާޅުގައި ވެފައިހުރި ވަޢްދު ތަކުގެ މަތިން، ޕްލޭންތައް ރާވާއި ކުރިޔަށް ގެންދިއުމުގެ ވިސްނުމާއި ބޭނުންތެރި ކަމުގައެވެ.
ފަހެ، މިކަމަށް ވުޑްރޯ ނެންގެވި ކޮމިޝަންގައި ބައިވެރި ކުރެއްވި، ދެބޭފުޅުންނަކީ، ޢިލްމުވެރިއަ ކާއި އިޖްތިމާޢީ ހަރަކާތްތެރި އެކެވެ. ދެބޭފުޅުންނަކީ ވެސް ރަނގަޅަށް ޢަރަބިބަސް ދެނެވަޑައި ގަންނަވާ ވަރަށް ޢިލްމީ ބޭފުޅުން ނެވެ. އެއްބޭފުޅަކީ، ހެންރީ ޗަރޗިލް ކިންގް (HENRY CHURCHILL KING, 1858 – 1934) އެވެ. ކިންގް އަކީ، އެމެރިކާގެ ވަރަށް އިލްމުވެރި އުސްތާޛް އެކެވެ. މެތްމެޓިކްސް އާއި ފިލޯސަފީ އާއި ތިއޮލޮޖީ ކިޔަވައި ދެއްވާ، މަތީފެންވަރުގެ އުސްތާޛް އެކެވެ. އަދި އޮބަރލިން ކޮލެޖްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ފަހެ، އަނެއްބޭފުޅަކީ، ޗަރލްސް ރިޗަރޑް ކްރޭން (CHARLES RICHARD CRANE, 1858 – 1939) އެވެ. ކްރޭން އަކީ، އެމެރިކާގެ ފުންނާބު އުސް ވިޔަފާރި ވެރިއެކެވެ. ޢަރަބި ޘަޤާފަތުގެ އުފެއްދުން ތެރިއެކެވެ. އަދި ޢަރަބި ވަންތަކަމަށް ލޯބިކުރާ މެދުއިރުމަތީގެ އެކްސްޕާރޓް އެކެވެ. ފަހެ، މިކޮމިޝަން އަށް ނަން ދެވިފައި މިވަނީ، މިދެބޭފުޅުންގެ ނަމަށް ނިސްބަތްކޮށެވެ.
ކިންގް ކްރޭން ކޮމިޝަން (KING CRANE COMMISSION) އެވެ. ފަހެ، މިކޮމިޝަން އިން އެބިންތަކަށް ޒިޔާރަތްކޮށް ބަލާއި ދިރާސާކުރި ސަރަޙައްދު ތަކަކީ، ފަލަސްޠީން އާއި ސޫރިޔާ އާއި ލެބްނާން އާއި އަނަޓޯލިއާ ސަރަޙައްދެވެ. އަނަޓޯލިއާ ސަރަޙައްދަކީ، ތުރުކީގެ މެޑިޓްރޭނިއަން ކަނޑަށްވީ ފަޅިއެވެ. އިރުމަތީ ފަރާތެވެ. ބޮސްޕޮރަސް އާއި ޑަރޑަނަލްސް ކަނޑުއޮޅި ހިމެނޭ އޭރިޔާއެވެ.
މިކޮމިޝަންގެ މަސައްކަތް ރައީސް ވުޑްރޯގެ އޯޑަރަށް ފެއްޓީ، 1919 ޖޫން ގައެވެ. ފަހެ، މިއީ ވަރަށް އިންސާފު ވެރިކޮށް ޙަޤީޤަތާ އެއްގޮތަށް ކުރެވުނު ވަރަށް ބޭނުންތެރި ދިރާސާއެކެވެ. މަސައްކަތް ނިންމާފައި ރައީސް ވުޑްރޯ އަތްޕުޅަށް ރިޕޯޓް ހުށަހެޅީ، 28 އޯގަސްޓް 1919 ގައެވެ. އެހެނަސް ހިތާމައަކީ، މިރިޕޯޓްއޮތީ އޮތްތަނެއްގައި ފޮރުވިފައެވެ. ވަޅުޖެހިފައެވެ. ޢަމަލުކުރާނެ ފަރާތެއް ނެތެވެ.
ޕީސް ކޮންފްރެންސް ގައި އެކިޤައްމުތަކާ އެކު ޓްރީޓީތައް ހަދަމުން ގެންދިޔައިރު ރިޕޯޓަށް ބަލާއި ނަޒަރުކުރާކަށް، އިނގިރޭސިން ނާއި ފްރާންސް އިން ބޭނުމެއް ނުވިއެވެ. އެހެނަސް އެމެރިކާގެ މަސައްކަތުން، މިރިޕޯޓް ޕަބްލިޝް ކުރެވުނީ، 1922 ގައެވެ. މުއާލާތް ކެނޑުނުތާ މާފަހުންނެވެ.
ފަހެ، އިނގިރޭސިން ނާއި ފަރަންސޭސިން ބޭނުންވި ގޮތަށް ޕީސް ކޮންފަރެންސް ގައި ކަންތައްތައް ކޮށް ނިންމާލީއެވެ. އެމެރިކާގެ ރިޕޯޓަށް ބެލުމެއް، ނަޒަރު ކުރުމެއް ނެތި، އިނގިރޭސިން ގެންދިޔައީ އެމީހުންގެ އެޖެންޑާ ބާރު ސްޕީޑްގައި ކުރިއަށެވެ. އެމެރިކާއަކީ، އެދުވަސްވަރު ހަނގުރާމައިން ބޭރުގައި ތިބި ބަޔަކަށް ވާތީ، ސިޔާސީ ވަޢްދުތަކުގެ ކުޅިގަނޑުގެ ތެރެއަށް ވަދެވިފައެއް ނެތެވެ.
އެހެންވެ މިކަހަލަ ބައެއް ވާޤިޢީ ކަންތަކާ ކުރިމަތިލާން ޖެހުނީއެވެ. ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ނާއި ފަރަންސޭސިން ތިބީ ސިއްރު ވައްދުތައް ވެގެންނެވެ. ޚައްޞަކޮށް ސައިކްސް ޕިކޮޓް އެއްބަސްވުން ހެދި ދެބޭފުޅުންނަކީ، ޢަރަބިބަސް ދަންނަ ބައެއް ނޫނެވެ.
އަދި ދުވަހަކު ޢަރަބި އެ ބިންތަކުގެ އަހްލު ވެރިންނާ ބައްދަލުކޮށް ވާހަކަދެއްކި ބައެއް ވެސް ނޫނެވެ. އެއީ މޭޒެއްދޮށުގައި ތިބެގެން ޗާރޓެއް ބަލައިގެން ތިބެ ނިންމާލި ވަޢްދު އެކެވެ.
އެހެނަސް އެމެރިކާއިން އެކުލަވާލި، ކިންގް ކްރޭން ކޮމިޝަން އަކީ، ޢަރަބި ވިންދު އެކުލެވިގެންވާ ގޮތަށް ފަރުމާ ކުރެވިފައިވާ ހަމައެކަނި، އަދި ފުރަތަމަ ދިރާސާއެވެ. މެދުއިރުމަށްޗާ ބެހޭގޮތުން ކިންގްކްރޭން ކޮމިޝަންގައި ބުރަވެފައި ވަނީ، މެދުއިރުމަތި އޮތީ، މިނިވަން ވަކިވަކި ދައްލަތްތަކެއްގެ ގޮތުގައި ވަކިވަކިވެގެން އަމިއްލަ ވެރިކަންތަކެއް ހަދައިގެން ކުރިޔަށް ދެވޭގޮތަކަށް ނޫން ކަމަށެވެ.
ސޫރިޔާ މިނިވަން ވަރުގަދަ ދައްލަތެއްގެ ގޮތުގައި ޑިމޮކްރްޓިކް ހަމަތަކުގެ މަތިން، މައިނޯރިޓީންގެ ޙައްޤުތަކާ އެކު ޖުމްހޫރީ ނިޒާމެއްގައި ރިޔާސީ ވެރިކަމެއް ކުރިޔަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ބުރަވެފައެވެ. ފަލަސްޠީން ގައި ޔަހޫދީންގެ ހޯމްލޭންޑެއް ހެދުމާ ބެހޭގޮތުން ބުރަވެފައިވާ ގޮތަކީ، އެމެރިކާގެ ރައީސް އެކަނިނޫން ކަމާއި މުޅި އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް، މިއީ ފާހަގަކުރަން ޖެހޭ ޕޮއިންޓެއް ކަމަށެވެ. ފަލަސްޠީން ގައި ޔަހޫދީންގެ ހޯމްލޭންޑެއް ހެދުމަށް އެމެރިކާ ސަރުކާރުން ތާއީދުކޮށް ނިންމައިފި ނަމަ، އެނިންމެނީ އެމެރިކާ ރައްޔިތުންގެ ބާރުގައި އެކަންކުރާ ގޮތަށެވެ.
އޭރުން އެކަމުގައި ޝައްކެއްނެތް ގޮތުގައި އެމެރިކާ އަށް ޢަމަލީގޮތުން ބައިވެރި ވެވުނީ ކަމަށެވެ. އަދި އެންޓި ޒައޮނިސްޓް އަސަރުތައް ސޫރިޔާ އާއި ޢަރަބި ފަލަސްޠީން ގައި ބިންވަޅުނަގައި އަބަދަށް ދެމިގެންދާނެ ކަމަށް ބުރަވެފައެވެ. ތުރުކީގައި އޮތް އަރްމީނިއާ އާ ގުޅޭގޮތުން ރިޕޯޓްގައި ބުރަވެފައިވަނީ، ތުރުކީން މިނިވަން ވެގެންވާ އަމިއްލަ މިނިވަން އަރްމީނިއާއެއް އުފައްދައި ސްޓޭޓްއްގެ ދަރަޖަ ދިނުމަށެވެ.
ފަހެ، މިއީ ޕީސް ކޮންފަރެންސް ގައި އެމެރިކާގެ ދައުރު ހިނގާދިޔަ ގޮތެވެ. ނަގާކިއުމުގެ އިސް ހުރިހާރޯލެއް ކުޅުއްވީ އިނގިރޭސި ބޮޑު ވަޒީރު ލޮއިޑް ޖޯރޖް އެވެ. 1924 ގައި އެމެރިކާގެ ރައީސް ވުޑްރޯ ވިލްސަންގެ އަވަހާރަފުޅު ބަލި ބޮޑުވެގެން ދިޔައީ ވެސް މިރިޕޯޓްގެ އަސަރު ކުރުވައިގެން ކަން ބައެއްފަރާތް ތަކުން ފާހަގަ ކޮށްފައި ވެއެވެ. ބަލްފޯރ ޑެކްލަރޭޝަން ވަޢްދުއަކީ ވެސް ވުޑްރޯގެ ރުހުން އޮތް ކަމެއް ނޫނެވެ. ޒައޮނިސްޓުން ނާއި ޢަލަވީން ދުނިޔެއަށް ދިރުވުގެ ހުރިހާ މަސައްކަތެއް ހިންގީ އިނގިރޭސިން ނާއި ފަރަންސޭސިން ނެވެ. އެދުވަސްވަރު އެކަމުގައި އެމެރިކާގެ އަތެއްނު ވެއެވެ. ~ނުނިމޭ~



Comments