އަދުގެ އިސްލާމީ ދުނިޔެ، 1914 އިން 2014 އަށް! (ފުރަތަމަބައި)
- ilyashusein
- May 25
- 30 min read
*ބޮޑުހަނގުރާމަ:
*އިސްތިޢުމާރީ ނުފޫޒުތައް:
*ތިން ޕާޝާ އިންގެ ނުފޫޒު:
*ރައީސްމައުމޫނުގެ ވެރިކަން ނިމުމަކަށް ވައްޓާލި ތިންވަޒީުން:
*ދެވަނަ ބޮޑުހަނގުރާމަ އަދި އެމެރިކާ ސުޕާޕަވަރަކަށް ވުން:
*އިސްލާމީ ޚިލާފަތާއި ޖަރުމަނާ އޮތް ގާތްކަން:
*އިސްލާމީ އުންމަތުން ޖަރުމަނާ ގުޅިގެން ހަނގުރާމަ އިޢުލާނު ކުރުން:
*ފުރަތަމަ ކުރިމަތިލުން:
*މުސްލިމުން ވެރިކަން ކުރާ ރަށްތަކުގެ ވެއްޓުން:
*އިނގިރޭސިން ރޭވި ނުލަފާ ރޭވުންތައް:
*މައްކާ ޝަރީފް:
*މައްކާ ޝަރީފްގެ ތިން ބޭފުޅުން:
*އެކެއް، ޢަލީ ބިން ޙުސައިން:
*ދޭއް، ޢަބްދުﷲ ބިން ޙުސައިން:
*ތިނެއް، ފައިޞަލް ބިން ޙުސައިން:
*ޓީ.އީ ލޯރެންސް:
*އިނގިރޭސިންގެ ވަޢުދު ތައް:
މުސްލިމުން، 2014 ވަނަ އަހަރު ހޭދަކުރަމުން ދާއިރު، އަދުގެ އިސްލާމީ ދުނިޔެ ދެނެގަތުމަށް ޓަކައި އެނބުރިލާން ޖެހެނީ، މީގެ ސަތޭކަ އަހަރު ކުރިޔަށެވެ. 1914 ވަނަ އަހަރުގެ ތެރެއަށެވެ. 1914 ވަނަ އަހަރަކީ، މުސްލިމުން ވަރަށް ޚާއްޞަކަމެއް ދޭންހެޖޭ ސީރިއަސް ބަދަލުތަކެއް ޔޫރަޕަށާއި މެދުއިރުމައްޗަށް (MIDDLE EAST) އަންނަން ފެށި އަހަރެކެވެ.
އެދުވަސް ވަރަކީ، ދުނިޔޭގެ ހަތަރުބިތުން އެއްފަޅިއަށް އެކުގައި، އިނގިރޭސި ރަސްކަމުން ވެރިވެގެން ތިބެ ބާރު ހިންގަމުން ދިޔަ ދުވަސްވަރެވެ. އެބިންތަކުގައި ހިމެނޭ އިނގިރޭސި ދައުލަތް ތަކަށާއި އިނގިރޭސިންގެ ދިދައަށް އިރުއޮއްސުމެއް އެއްގޮތަކަށް ވެސް ނާދެއޭ ބުނަމުން ގެންދިޔަ ދުވަސްވަރެވެ. އަބަދުވެސް އެދުވަސްވަރު އިނގިރޭސި ދިދައަށް އިރުގެ އަލިކަން ހުރެއެވެ. އިނގިރޭސިންގެ އެންމެ ރަން ޒަމާނެވެ. ދުނިޔޭގެ ވެރިކަން ކުރިދުވަސް ވަރެވެ.
އާދެ! އެދުވަސްވަރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (UNITED STATES OF AMERICA) އޮތީ، ދުނިޔޭގެ ބާރެއްގެ ގޮތުގައެއް ނޫނެވެ. މެދުއިރުމަތީގައި ޒަމާނުއްސުރެ އޮތް އިސްލާމީ އުއްމަތަށް ކުދިކުދި ލޮޅުންތައް އައިސް ބައެއްބިންތައް ގެއްލި، އިސްލާމުންނަށް އެކި ދުއްތުރާތަކައި ދިމާވެފައި ވީނަމަވެސް އިސްލާމުން، ދުނިޔޭގައި ބާރެއްގެ ގޮތުގައި އެއް އުންމަތެއްގެ ސިފައިގާ، އުންމީދު ތަކެއްގެ އަލިކަމުގެ ތެރޭގައި ދެމި އޮތެވެ.
ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އިސްލާމީ ވެރިކަމަށް ފަހު، ހަތަރު ޚަލީފާއިންގެ ވެރިކަންނިމި، އުމަވީންނާއި ޢައްބާސީންގެ ޚިލާފަތު ނިމި، ދުނިޔޭގައި ޢުޘްމާނީ ޚިލާފަތު (OTTOMAN EMPIRE) ގެ ބާރު ހިނގަމުން ދިޔަ ދުވަސް ވަރެވެ. ރަސްގެފާނަކީ، މުޙައްމަދު ފަހެއް (MEHMED 5, 2 NOV 1844 – 3 JUL 1918) އައި ހަމައެވެ. އެއީ 35 ވަނަ ޢުޘްމާނީ ޚަލީފާއެވެ. ރަސްކަން ކުރެއްވީ، (10 MAY 1909 – 3 JUL 1918) އަށެވެ. އަވަހާރަ ވީއިރު ޢުމުރުފުޅަކީ، 73 އަހަރެވެ.

މުޙައްމަދު ފަހެއް ރަސްގެފާނުގެ ބައްޕާފުޅަކީ، 31 ވަނަ ޢުޘްމާނީ ޚަލީފާ ކަމުގައިވާ ޢަބްދުލް މަޖީދު އެކެއް (ABDUL MECID 1, 25 APR 1823 – 25 JUN 1861) އެވެ.
އަދި، 36 ވަނަ ޚަލީފާއަކީ، މުޙައްމަދު ހައެއް (MEHMED 6, 14 JUN 1861 – 16 MAY 1926) އެވެ. އަސްލު ނަންފުޅަކީ، މުޙައްމަދު ވަހީދުއްދީން އެވެ. ރަސްކަން ކުރެއްވީ، 1 ނޮވެންބަރ 1922 އިން ފެށިގެން، 3 ޖުލައި 1918 އައި ހަމައަށެވެ. މިޚަލީފާގެ ބައްޕާފުޅަކީ ވެސް، ޢަބްދުލް މަޖީދު އެކެއް އެވެ.

އާދެ! 37 ވަނަ ޚަލިފާއަކީ، ޢަބްދުލް މަޖީދު ދޭއް (ABDUL MECID 2, 29 MAY 1868 – 23 AUG 1944) އެވެ. ޚަލީފާ ކަމުގައި ހުންނެވީ، 19 ނޮވެމްބަރ 1922 އިން ފެށިގެން، 3 މާޗް 1924 އައި ހަމައަށެވެ. މިއީ ޢުޘްމާނީ ޚިލާފަތުގެ އެންމެފަހު ޚަލީފާއެވެ. އަވަހާރަވީ ޕެރިހުގައި، 1944 ގައެވެ. ފަސްދާނުކލެވުނީ މަދީނާ މުނައްވަރާގައެވެ.

ފަހެ، މިޚަލީފާއަށް ފަހު، ޚިލާފަތު ނިމުމަކަށް އައީއެވެ. ޚިލާފަތު މުޅިން ޚަތިމްވެ ނިމުނީއެވެ. މިދުވަސްވަރުގެ ވެރިކަމަށް ޚިލާފަތޭ ކުޔުނަށް ޚިލާފަތު ވަނީ ޚުލަފާއުލްރާޝިދޫން ހަތަރު ޚަލީފާއަށް ފަހު ނިމިފައެވެ. އަހުރެން ސިފަ ކުރަނީ އެއަށް ފަހު އައި ވެރިކަންތައް ވަނީ މުލޫކިއްތަކަށް ބަދަލުކޮށްގަނެ އަމިއްލަ އެދުމުގެ ރަސްކަމަށް ހަދާފަ ކަމަށެވެ.
އާދެ! އެއްވަނަ ބޮޑުހަނގުރާމަ (1914 އިން 1918) އަށް ފަހު، ދުވަސްކޮޅެއް ވަންދެން ޚަލީފާ ކަމުގެ ލަޤަބު ފާޑަކަށް އަރުވަމުން ގެންދިޔައީ މުސްޠަފާ ކަމާލް އަތާތުރުކް ގެ ލީޑަރޝިޕްގެ ދަށުން އުފެދުނު ތުރުކީގެ ރައްޔިތުންގެ ބޮޑުމަޖިލިސް (TURKISH GRAND NATIONAL ASSEMBLY) އިންނެވެ. އެހެނަސް އެއީ މުސްލިމް އުންމަތު ބަލައިގަންނަ ޚިލާފަތެއްނޫނެވެ. އަދި ބޮޑުހަނގުރާމަ އަކީ ޔޫރަޕުން ރާވައިގެން މުސްލިމުންގެ ބާރު ކަނޑުވާލައި ކުދިކުދި ދައުލަތް ތަކަކަށް މުސްލިމުންގެ ބިންތަށް ބަހާލުމަށް ހިންގުނު ޖަރީމާއެކެވެ.
އާދެ! މިދުވަސްވަރު، ދުނިޔޭގެ ސިޔާސަތު ތެރެއަށް ވަދެ ސިއްރުން ގޮތްތައް ރާވާއި ކުޅެމުން ގެންދިޔައީ، އޭރު ދުނިޔޭގެ ބާރުގެ ގޮތުގައި ތިބި، ޔޫރަޕްގެ އެއް ޚިޔާލާއި ފިކުރުންނެވެ. އަދި އެދުވަސްވަރުގެ ދަރިފަސްކޮޅެއް ގޮތުގައި ގަދަކޮށް ދެމިގެން އައިސްފައިވާ ވަރުގަދައަށް މޫލާފައިވާ ދެރަސްކަމެއް ބާރާއެކު ބަދަހިކޮށް ވަރުގަދަކޮށް އޮތެވެ.
އެއީ އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ (AUSTRO – HUNGARIAN EMPIRE) އާއި ރަޝިޔަން އެންޕަޔަރގެ ވެރިކަމެވެ. އޮސްޓްރޯ ހަންގޭރިއަން ރަސްކަމުގައި ވެޑުވެ އިންނެވި ރަސްކަލަކީ، އާރކްޑިއުކް ފްރޭންޒް ފްރެޑިނަންޑް (ARCKDUKE FRANZ FREDINAND, 18 DEC 1863 – 28 JUN1914) އެވެ. 1889 އިން ފެށިގެން އަވަހާރަކޮށް ލެވެންދެން ރަސްކަމުގައި އިންނެވީ މިރަސްގެފާނެވެ.

މިރަސްކަލުންގެ ލޮބުވެތި އަނބިކަނބަލުން ނަކީ، ސޯފީ ޗޯޓެކް (SOPHIE CHOTEK, 1 MAR 1868 – 28 JUN 1914) އެވެ. އަވަހާރަ ވީއިރު ޢުމުރުފުޅަކީ، 46 އަހަރެވެ. މި ރާނީ އާއި ރަސްގެފާނު އެކުގައި ކާރެއްގައި ވަޑައި ގަންނަވަނިކޮށް، ބޮސްނިޔާ އަދި ހެޒްގޮވީނިޔާ (BOSNIA AND HERZEGOVINA) މީހަކު ސެރާޔޭވޯ (SARAJEVO) ގައި ދެކަނބަލުން އެކުގައި އަވަހާރަކޮށް ލީއެވެ.
ފުރެންޒު އާއި ސޯފީ އަވަހާރަކޮށްލީ، 19 އަހަރުގެ ޒުވާނެކެވެ. މިޤާތިލްގެ ނަމަކީ، ގަވްރިލޯ (GAVRILO PRINCIP, 13 JUL 1894 – 28 APR 1918) އެވެ. ޤާތިލް ގަވިލޯ އަކީ، 1901 ވަނަ އަހަރު ސާބިއަން ރަސްކަމުގެ ސިފައިން އުފެއްދި ސީކްރެޓް މިލިޓްރީ ސޮސައިޓީން ބަލަހައްޓަމުން ގެންދިޔަ، ބްލެކްހޭންޑް (BLACK HAND) ގްރޫޕްގެ ޢަސްކަރީ ތަމްރީނު ލިބިފައިވާ ގޭންގު ސްޓައިލް ޕާޓޭންގެ ޒުވާނެކެވެ. މިއީ ސާބިޔާ ސިފައިންގެ އަންޑަރގްރައުންޑް ޖަމާޢަތެކެވެ.
މީނާ ހެދިގޮތަކީ ފިލާހުރެފައި ކާރުކޮޅު ކުރިމަށްޗަށް، ކާރުކޮޅު މަގުބަދަލު ކޮށްލަން ހުއްޓާލިވަގުތު ކުއްލިއަކަށް ނުކުމެ ފިސްތޯލަ އަކުން ވަޒަންތައް ފޮނުވާލީ، އެންމެ ފަސްފޫޓް ކައިރިންނެވެ. އެއިން ވަޒަނެއް ފްރެންޒްގެ ކަރުފުޅަށް އަމާޒުވިއެވެ. އަދި ސޯފިޔާގެ ދަށްބަނޑުކޮޅަށް، އެހެން ވަޒަނެއް އަމާޒުވެ ގަޑިއެއްހާ އިރުތެރޭގައި ރަސްގެފާނާއި ރާނީ އަވަހާރަވެ ދުނިޔެ ދޫކުރެއްވީއެވެ.
މިޤާތިލްކަލޭގެ މަރުވީ، އޭނާގެ ޢުމުރުން، 23 އަހަރުގައި ޖަލުގެ ކުޑަގޮޅީގައި އޮވެ، ޖެހުނުބައްޔެއްގެ ތެރޭގައެވެ. ރަސްގެފާނު ހޭފުޅުނެތުމުގެ ކުރިން، ރާނީ އަރިހު ދެންނެވުނުހާ ވެސް އެއްޗަކީ، “ސޯފީ! ސޯފީ! އޭ! މަރުނުވާށެވެ! އަހަރުމެން ދެމީހުންގެ ދަރިންނަށް ޓަކައި މަޑުކުރާށެވެ!” މިޖުމްލައެވެ.
އާދެ! ދުނިޔޭގައި ބޮޑުހަނގުރާމަ (GREAT WAR) އެއް ފެށުމުގެ ސަބަބަކަށްވީ، ސާބިޔާ މީހުން އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރުގެ ރަސްގެފާނު، ޤަތުލްކޮށް ލުމެވެ. މިޤަތުލް ވެގެން ދިޔައީ ދުނިޔޭގައި ހިނގި ފުރަތަމަ ބޮޑުހަނގުރާމައިގެ ފެށުމަށެވެ. އަދި މިހާތަނަށް ހިނގި އެންމެބޮޑު ހަނގުރާމައަށް މިހަނގުރާމަވިއެވެ. މިހަނގުރާމައިގާ، 70 މިލިއަން ހަނގުރާމަވެރިން، ސޯލްޖަރުންގެ ގޮތުގައި ޢަމަލީގޮތުން ބައިވެރިވިއެވެ.
އިއްތިޙާދީން (ALLIED POWER) ނުވަތަ އޮންޓޮންޓް ޕަވާރސް (ENTENTE POWERS) ނުވަތަ ޓްރިޕަލް އޮންޓޮންޓް (TRIPLE ENTENTE) ގެ ގޮތުގައި، 43 މިލިއަން ޢަސްކަރީން އެތެރޭގެބާރެއްގެ ގޮތުގައި ޙަރަކާތް ތެރިވިއެވެ. ހަނގުރާމައިގެ މަރްކަޒަކީ ޔޫރަޕް (EUROPE) އެވެ. މިހަނގުރާމައިގެ ސަބަބުން އެންމެބޮޑެތި ބަދަލުތައް އައީ ޔޫރަޕާއި މެދުއިރުމައްޗަށެވެ. އަރަބި އިސްލާމީ ދުނިޔެއަކީ، މެދުއިރުމައްޗެވެ. މުޅި ޔޫރަޕްގެ އަމާޒަކަށް މުސްލިމުން ވެފައި ވަނީ އެހެންވެގެންނެވެ.
ބޮޑުހަނގުރާމަ:
ފުރަތަމަ ބޮޑުހަނގުރާމަ، 1914 އިން 1918 އަށް މިހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމައިގާ، 8 މިލިއަން ސޯލްޖަރުން މަރުވިއެވެ. 7 މިލިއަން މީހުން ދާއިމީކޮށް ނުކުޅެދުންތެރި ވެގެންދިޔައެވެ. 15 މިލިއަން ސިފައިން ސީރިއަސް ހާލަތަކަށް ޒަޚަމްވިއެވެ. އަދި މިހަނގުރާމައިގާ ބައިވެރިވި ދެފަރާތުގެ ޤައްމުތަކުން އެތައްއެތައް މިލިއަން އާންމު ރައްޔިތުންނެއް މަރުވެގެން ދިޔައެވެ.
އާދެ! ބޮޑުހަނގުރާމަ އަކީ، ދުނިޔޭގައި ފުރަތަމަ ފަހަރަށް މޮޑަންޓެކްނޮލެޖީ ބޭނުންކޮށް، ކެމިކަލް ބާވަތްތަކުގެ ހަތިޔާރުތައް ބޭނުންކުރި ހަނގުރާމައެވެ. އެކިޒާތުގެ ވަޒަނާއި ބޮންތައް އުފައްދާއި އަމަލީ މައިދާނުގައި ބޭނުން ހިފިއެވެ. ތަޖްރިބާ ކުރިއެވެ. އަދި މިއީ، ފުރަތަމަ ފަހަރު ހަނގުރާމައެއްގައި މަތިންދާބޯޓުގެ ބޭނުންކުރި ހަނގުރާމައެވެ. އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ބޭނުންކުރިއެވެ.
މިހުރިހާ ބާވަތެއްގެ ޓެކްނޮލެޖީ ފުރަތަމަ ފަހަރަށް ދުޝްމަންބަޔަކާ ދެކޮޅަށް ބޭނުންހިފައި ތަޖްރިބާ ކުރެވުނީ، މިހަނގުރާމައިގެ ތެރޭގައެވެ. ހަރަތުއަހަރު ވަންދެން ބޮޑުހަނގުރާމަ ދެމިގެން ދިޔައެވެ. ފެށުނީ، 28 ޖުލައި 1914 ގައެވެ. ރަސްމީކޮށް ނިންމާލީ، 11 ނޮވެންބަރ 1918 ގައެވެ. މުޅި ހަނގުރާމައިގެ އަމާޒަކަށް ވެފައި އޮތީ، މުސްލިމުން ނިކަމެތިކޮށް ސުންނާފަތި ކޮށްލުމެވެ. މުސްލިމުންގެ ބާރު، ދުނިޔޭގައި ދައްކޮށްލާއި ކުޑަކުރުމަށެވެ.
ބޮޑުހަނގުރާމަ އަށް ފުރަތަމަ ބޮޑު ހަނގުރާމަ (WORLD WAR 1) މިނަމުން ނަންދެވުނީ، ދެވަނަ ބޮޑު ހަނގުރާމަ (WORLD WAR 2) ފެށުމަށް ފަހުއެވެ. ފެށުނީ، 01 ސެޕްޓެމްބަރު 1939ގައެވެ. ނުމުނީ، 02 ސެޕްޓެމްބަރު 1945 ގައެވެ. ފަހެ، ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން މިހަނގުރާމަ އަށް، ތާރީޚީ ޢިލްމުވެރިން ކަމުގައިވާ، މުއައްރިޚުން ދީފައިވާ ނަމަކީ، ބޮޑު ހަނގުރާމަ “ގްރޭޓް ވޯރ” އެވެ. “ފުރަތަމަ” މިލަފުޒު އޭރު ބޭނުމެއް ނުކުރެއެވެ.
އާދެ! 1918 ގައި ބޮޑުހަނގުރާމަ ނިމުނުއިރު ޔޫރަޕްގެ މައިބަދަ ކަމުގައިވާ، އިނގިރޭސިވިލާތް އޮތީ ކުރިންއޮތް ބާރާއި ހައިބަތުގެ ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ގޮސްފައެވެ. އިނގިރޭސިންގެ ރަންޒަމާނަށް އުނިކަން ކޮންމެ ވެސް ވަރަކަށް ވެރިވެފައެވެ. ވިކްޓޯރިއަން ޒަމާން (VICTORIAN ERA) ނިމިފައެވެ. އަދި އޭގެކުރިން އޮތް، ޖޯރޖިއަން ޒަމާން (GEORGIAN PERIOD) އާއި ވިކްޓޯރިއަން ޒަމާނަށް ފަހު އޮތް، އެޑްވަރޑިއަން ޒަމާން (EDWARDIAN PERIOD) ވެސް ނިމުމަކަށް އައިސް ބޮޑު ބަދަލަކާ ކުރިމަތިލާން ޖެހިފައެވެ.
އަދި އެޒަމާނުގައި އޮތް އެންމެ ބާރުގަދަ ހަތަރު އެންޕަޔަރ ވަނީ، ބޮޑު ހަނގުރާމަ އާ އެކު ކުދިކުދިވެ ނެތި ގޮސްފައެވެ. އެއީ:-
އެކެއް؛ ޖަރުމަން އެންޕަޔަރ އެވެ.
ދޭއް؛ ރަޝިޔަން އެންޕަޔަރ އެވެ.
މިދެރަސްކަމަކީ ވެސް ޒަމާންތަކެއް ވަންދެން ދެމިއޮތް، ޤަދީމީ ތާރީޚެއް ފަހަތުގައި އޮތް ވަރުގަދައަށް މޫލާފައި އޮތް ދެރަސްކަމެވެ. ޖަރުމަނުގައި ޤައިޞަރުން (KAISER) ގެ ރަންޒަމާން ދެމިއޮތެވެ. ރަޝިޔާގައި ޒަމާންވީ ދިގުތާރީޚެއް އޮތް ޒާރުން (TSAR) ގެ ރަންޒަމާން ދެމިއޮތެވެ.
ތިނެއް؛ އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ އެވެ.
މިރަސްކަން މުޅިން ނެތިގެންގޮސް ވަކިވަކި ޤައްމުތަކަކަށް ބެހިގެން ދިޔައީއެވެ.
ހަތަރެއް؛ އޮޓަމަން އެންޕަޔަރ އެވެ. އުޘްމާނީ ދައުލަތެވެ. މިއީ އިސްލާމީ އުންމަތެވެ. އަޅުގަނޑުމެން މުސްލިމުން ކަންބޮޑުވެ، އަޅާލަން ޖެހެނީ މިކަމާ ހެދިއެވެ.އަދި މިމަޒްމޫނު ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ، އިސްލާމީ އުންމަތަށް ނަޒަރުކޮށް ބަލާލުމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްލާމީ ވެރިކަމުގެ ރަން ޒަމާނަށް ފަހު، ފެށުނީ، ޚިލާފަތުގެ ދުވަސް ވަރެވެ. ހަގީގީޚިލާފަތު ދެމި އޮތީ ހަތަރުޚަލީފާއިންގެ ދައުރު ނިމެންދެނެ. ދެން ވެސް ގޮތަށް އިސްލާމީ ޚިލާފަތު ދެމެމުން އައިސް ބޮޑު ހަނގުރާމަ ނިމުމަށް ފަހުވެސް ދެޚަލީފާއަކު، އިސްލާމީ އުންމަތުގެ ޚަލީފާކަމުގައި ހުންނެވިއެވެ.
އަދި ބޮޑު ހަނގުރާމަ ނިމި ޚިލާފަތުގެ ވެރިކަން އެކުގައި ނިމުމުން، މައްކާ ޝަރީފް ޙުސައިންގެ ދޮށީ ދަރިކަލުން ޢަލީ ބިން ޙުސައިން އަމިއްލަ ފުޅަށް މުސްލިމުންގެ ޚަލީފާއަކަށް ވެވަޑައިގެން ދުވަސްކޮޅަކު އެނަމުގައި އުޅުއްވިއެވެ. މިވާހަކަތައް ފަހުން ގެންނާނަމެވެ. إن شاء الله!
އާދެ! ބޮޑު ހަނގުރާމަ ނިމުނުއިރު އިސްލާމީ އުންމަތުގެ ވެރިކަމުގައި ހުންނެވީ، ޢުޘްމާނީ ޚިލާފަތުގެ، 35 ވަނަ ޚަލީފާއެވެ. އެވާހަކަ ކުރިން ގެނެވިފައި ވާނެއެވެ. އެއަށް ފަހު، 1918 އިން 1922 އަށް ޚަލީފާއަކަށް ހުންނެވީ، 36 ވަނަ ޚަލީފާއެވެ. އަދި އެއަށް ފަހު، 37 ވަނަ ޚަލީފާއައި ހަމައިން އިސްލާމީ ޚިލާފަތު އެކުގައި ނިމުމުގައި ސިއްކަޖެހި ޚިލާފަތުގެ ޒަމާން ނިމުނީއެވެ.
37 ވަނަ ޚަލީފާގެ ރުހުމުގައި ފްރާންސްގެ ވެރިރަށް ޕެރިހަށް އަރުވާލެވުނީ ފްރާންސްގެ އެހީ ގައެވެ. ފްރާންސް އަކީ، ފެށުނީއްސުރެ ވެސް މުސްލިމުންގެ ބާރު ނެތިކޮއްލުމަށް ޓަކައި އަވަދިނެތި ތެޅެމުން، ތޮޅެމުން އަންނަ ފަރަންޖީންނެވެ. މިވާހަކަ ވެސް ފަހުން ގެނެސް ދޭނަމެވެ. إن شاء الله!
ދަންނާށެވެ! މިއަދު އަޅުގަނޑުގެ މައުޟޫޢުއަކީ މިއެވެ. އިސްލާމުންނެވެ. އިސްލާމީ އުންމަތެވެ. އިސްލާމީ އުންމަތަށް ރާވައިގެން ދެމުން ގެންދާ ހަނގުރާމަވެރި ރޭވުންތަކެވެ. ބޮޑުހަނގުރާމައިގެ މަޤްޞަދެވެ. ހިތާމަވެރި މިހާދިސާ ހިނގާދިޔަ ގޮތާމެދު ބަލާލުމެވެ. އިނގިރޭސިން އިސްކޮށް ތިބެ، ޔޫރަޕުން އިސްލާމީ އުންމަތުގެ އިޖްތިމާޢީ ފޭރާން ސުންނާފަތި ކޮށް، ވީރާނާ ކޮށްލި ގޮތާމެދު ނަޒަރުކޮށް ބަލާލުމެވެ. ކުޑަ ނަމަވެސް ތާރީޚީ ވާހަކަކޮޅެއް ހާމަކޮށް ދިނުމެވެ. ކޮންމެއަކަސް މިއީ އަދުގެ އިސްލާމުން، ނިހާޔަތަށް ހިތާމަކުރަންޖެހޭ ހިތާމަވެރި ކަމެކެވެ.
ވީމާ އަޅުގަނޑުގެ އަމާޒަކީ، އިސްލާމީ ދުނިޔެއަށް ސިޔާސީ ގޮތުންނައި ޢަސްކަރީ ގޮތުން އަންނަމުންދާ ބަދަލުތަކަށް ބަލާލުމެވެ. 2014 ވަނަ އަހަރުގައި އަޅުގަނޑުމެން ތިބިއިރު، މިކަންކަމަށް ބަލާލާއި ނަޒަރުކޮށް ލުމަކީ، މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.
ބޮޑުހަނގުރާމަ އަށް ފަހު، އުމަވީޚިލާފަތާއި ޢައްބާސީ ޚިލާފަތާއި ހަމައިން މެދުކެނޑުމެއް ނެތި ދެމިގެން އައީ ޢުޘްމާނީ ޚިލާފަތުގެ ބާރުކެނޑި މިނިވަން ރިޕަބްލިކް އޮފް ތުރުކީ އެއް، މުޞްޠަފާ ކަމާލް އަތާތުރުކް (MUSTAFA KAMAL ATATURK, 19 May 1881 – 10 NOV 1938) ގެ ޤިޔާދަތުގެ ދަށުގައި އުފެދުނީ، ގިނަގުނަ ކަންތައްތަކެއް ބަޔަކު އަޑީގައި ތިބެ ސިއްރުން ރާވައި ހިންގައި ގެންނެވެ.
އާދެ! އެދުވަސްވަރު ޔޫރަޕުން ޢުޘްމާނީ ޚިލާފަތަށް ދީފައިވާ ނަމަކީ، ” ޔޫރަޕްގެ ބަލިމީހާ ” އެވެ. އެމީހުންގެ މެދުގައި އިސްލާމީ ޚިލާފަތަށް ބޭނުންކޮށް އުޅުނީ، “ސިކްމޭން އޮފް ޔޫރަޕް” (SICK MAN OF EUROPE) އެވެ. އަދި އެދުވަސްވަރު މިޞްރު އޮތީ، އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައެވެ.
ބޮޑު ހަނގުރާމައަށް ފަހު، މުޅިން އާމޮޑަން ދުނިޔެއެއް ފެށުނީއެވެ. ޒަމާނީ ދުނިޔެއެއްގެ ބިންގާ އެޅުނީއެވެ. އެހެންވުމާ އެކު އިސްލާމީ އުންމަތުގެ ވާހަކަ ދައްކާއިރު ބޮޑުހަނގުރާމަ އަށް ބަލާނުލާ ދިއުމަކީ އުނިކަމަކަށް ވާނެތީ އެވާހަކަތައް ކޮންމެހެން ވެސް ގެނެސްދޭން ޖެހުނީއެވެ.
ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ސާބިޔާ އާއި ރަޝިޔާއަކީ، އަބަދުވެސް އެއްބްލޮކް ކަމާއި އޮސްޓްރޯ ހަންގޭރިއަން އާއި ޖަރުމަން ވިލާތަކީ، އަނެއް ބްލޮކްކަމެވެ.
ފަހެ، މިހަނގުރާމަ އަކީ، މިދެބްލޮކްގެ ދެމެދުގައި ކުރެވުނު ވަރުގަދަ ބޮޑު ހަނގުރާމަ އެކެވެ. މުޅި ޔޫރަޕްގެ ގަދަބާރަކީ، އިނގިރޭސިން ނާއި ޖަރުމަނެވެ. މާޒީގައި ދިމާވި އެކިކަންތައްތަކާ ހެދި އިސްލާމީ އުންމަތް ވަނީ، އިނގިރޭސިންނާ އެކު އޮތް ގާތްގުޅުމުން ދުރުވެ، ޖަރުމަނާ އެކުގުޅި ރަހްމަތްތެރިކަން އުފައްދާ ފައެވެ.
ކުރިން ވެސް ބުނެވުނު ފަދައިން މިހަނގުރާމަ އަކީ، ކިންގްޑޮމް އޮފް ސާބިޔާގެ މީހަކު އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރު މަރާލުމުގެ ރުޅިވެރިކަމުގައި އިއުލާނު ކުރެވުނު ހަނގުރާމަ އެކެވެ. އޮސްޓްރޯ ހަންގޭރިއަން ފަޅީގެ ބާރަކަށްވީ، ސެންޓަރަލް ޕަވަރސް (CENTRAL POWERS) އެވެ. ޖަރުމަން އެންޕަޔަރ އޮތީ އޮސްޓްރޯ ހަންގޭރިއަން ފަޅީގައި ކަމުން، ޢުޘްމާނީ ޚިލާފަތަށް ބުރަވާން ޖެހުނީ އެފަޅިއަށެވެ.
އަނެއްފަޅި އަކީ، އެލައިޑް ޕަވަރސް (ALLIED POWERS) އެވެ. އެއީ އިނގިރޭސިންނާއި ރަޝިޔާ އާއި ފްރާންސްގެ ރަހްމަތްތެރި ކަމުގެ އެކުވެރި ފަޅިއެވެ. މިއީ އިއްތިޙާދީންނެވެ. އިއްތިޙާދީ ބާރަކަށް ވެގެންދިޔައީ، ފްރެންޗް ރިޕަބްލިކް އާއި ބްރިޓިޝް އެންޕަޔަރ އާއި ރަޝިޔަން އެންޕަޔަރ އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޖަޕާން އާއި އިޓަލީ ގުޅިގެންނެވެ.
އެމެރިކާ ޢަމަލީ ގޮތުން ބައިވެރިވީ ހަނގުރާމައިގެ އެންމެފަހު ދުވަސްވަރުގައެވެ. 1917 ގަ އެވެ. އަދި އިޓަލީ އެންމެފަހު ވަގުތު ސެންޓަރަލް ޕަވަރސް އައިގުޅުނެވެ. ހަނގުރާމަ ކުރެވުނީ، ސެންޓަރަލް ޕަވަރސް އާއެކުގައެވެ.
މިބްލޮކްގައި ތިބީ، އޮސްޓްރޯ ހަންގޭރިއަން އެންޕަޔަރ އާއި ޖަރމަން އެންޕަޔަރ އާއި އޮޓަމަން އެންޕަޔަރ އާއި ކިންގްޑޮމް އޮފް ބަލްގޭރިއާ އެވެ. ބަލްގޭރިއާ ގުޅުނީ، 14 އޮކްޓޯބަރ 1915 ގައެވެ. އޮޓަމަން އެންޕަޔަރ، 2 އޯގަސްޓް 1914 އިން ފެށިގެން އޮތީ، ސިއްރުކޮށެވެ. ފާޅުގައި މުސްލިމުން ނުކުމެ ޖިހާދުކުރުމަށް ޚަލީފާ އަމުރުނެރުއްވީ، ހަނގުރާމަ ފެށުނުތާ ދުވަސްކޮޅެއް ފަހުންނެވެ.
ހަނގުރާމައިގާ ބައިވެރި ވުމުގެ ގުޅުންތައް ހިންގުނު އެއްބަސް ވުންތައް އުވާލީ، ބޮޑު ހަނގުރާމަ ރަސްމީކޮށް ނިމުނުކަން އިއުލާނުކުރި ދުވަހުއެވެ. އެއީ، 1918 ވަނަ އަހަރުގެ، 11 ވަނަ މަހުގެ، 11 ވަނަ ދުވަހުގެ މެންދުރު، 11 ޖެހިއިރުއެވެ. މިހިސާބުން ބޮޑު ހަނގުރާމަ ރަސްމީކޮށް ނިމުނީއެވެ.
އިސްތިޢުމާރީ ނުފޫޒުތައް:
އާދެ! ބޮޑު ހަނގުރާމައިގެ ކުރިންވެސް ވަނީ ޔޫރަޕުން، އިސްލާމީ ބައެއް ޤައުމުތައް އިސްތިޢުމާރު ކޮށް ދަށުލާފައެވެ. މިޞްރަކީ ސީދާ އިނގިރޭސި ވިލާތުގެ އޯޑަރަށް އޭރު ކިޔަމަން ވަމުންދާ ދައުލަތް އެކެވެ. މުޅި މެދު އިރުމައްޗަށް ނުފޫޒު ހިންގާނެ ސަފީރެއް މިޞްރުގައި އިނގިރޭސިން ބަހައްޓާފައި ހުރެއެވެ. މީނާގެ ވާޖިބުތަކާއި މަސައްކަތް ފުރިހަމަކޮށް ބާރަށް ކުރިޔަށް ގެންދިޔައެވެ.
އިސްލާމީ އުންމަތް ރޫޅާލާއި ބައިބައި ކުރުމަށް އިނގިރޭސި އިސްތިޢުމާރުން ދެއްކީ، އެބައެއްގެ އަމިއްލަ ވަންތަ ޤައުމިއްޔަތާއި ޢަޞަބިއްޔަތް އެވެ. ވަޠަނިއްޔަތުގެ ރޫޙު ދިރުވުމާއި އަމިއްލަ މިނިވަން ވެރިކަމެއްގެ ހުވަފެންތައް ދެއްކިއެވެ. އެވިސްނުން ޒުވާން ހިތްތަކުގައި ވަޅުޖެއްސުވި އެވެ.
ޙިޖާޒު ކަރާގައި ޢަރަބި ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތް ވަރަށްބާރަށް ހިންގިއެވެ. މައްކާގައި އޮތް ދުވަސްވީ ރަސްކަމުގެ ދަރުބާރަށް އެގޮތްމިގޮތަށް ހުތްލައިދީގެން، ޢުޘްމާނީ ޚިލާފަތާ އިދިކޮޅަށް ނެރުވައި ހަނގުރާމަ ކުރުވިއެވެ.
އަދި ތުރުކީ ގައި ޒުވާން ތުރުކީންގެ ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތް އެކިއެކި ވައްތަރުގެ އެހީއާއި މަދަދުތަކާ އެކު، ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. އިސްލާމުންގެ ތެރޭގައި އިސްލާމީ ވަޙުދަތު ދޫކޮއްލައި އެބައެއްގެ އަމިއްލަވަންތަ މިނިވަންކަމުގެ ނަމުގައި ޤައުމިއްޔަތު އާއި ޢަޞަބިއްޔަތު އާއި ވަޠޮނިއްޔަތު ދިރުވުމަށް އެކިނަންނަމުގައި ޖަމްޢިއްޔާތައް ހަދައި ދިނީ، އިނގިރޭސިން އަޑީގައި ތިބެ ވަރަށް ރޭވުންތެރި ކަމާއި އެހީތެރިކަމާއި މަދަދުވެރި ކަމާ އެކުގައެވެ.
މިގޮތުން، އެންމެ އިސް ދައުރެއް އިނގިރޭސި އެންޕަޔަރގެ ފަރާތުން ކުޅެމުން ގެންދިޔައީ، މިޞްރުގައި ބަހައްޓާފައި ހުރި އިނގިރޭސި ސަފީރުގެ ބެއްލެވުމުގެ ދަށުންނެވެ. މީނާގެ ސިއްރު ރޭވުންތަކާއި ރާވައިގެން ހިންގެވި ނޭދެވޭ މަސައްކަތްތަކުގެ ވާހަކަ ފަހުން ގެނެސް ދޭނަމެވެ. ان شاء االله!
އާދެ! ބޮޑު ހަނގުރާމަ ނިމުމާއެކު، ދިމާވެގެންދިޔަ ކަންތައްތަކުން ޖަރުމަނުގައި އުފަންވެ ދިރިގެންދިޔައީ އެޑޯލްފް ހިޓްލަރ (ADOLF HITLER, 20 APR 1889 – 30 APR 1945) ގެ ޤައްމިއްޔަތު އާއި ވަޠޮނިއްޔަތު އެވެ. ހިޓްލަރު، ޤައުމިއްޔަތުގެ ދިދައިގެ ދަށުގައި ނުކުންނަން މަޖްބޫރުވީ ހަނގުރާމަ ނިމުމަށް ފަހު، ބަލިވި ބައެއްގެ ގޮތުގައި ބަލައި ޖަރުމަނުގެ ބޮލުގައި ހަނގުރާމައިގެ ބަދަލު ދިނުން ލާޒިމުކޮށް އެޅުވުމުންނެވެ.
ކުރިންވެސް ދެންނެވުނުހެން އިސްލާމީ ޚިލާފަތުގެ މައިމަރްކަޒު ކަމުގައިވާ ތުރުކީގައި ހަނގުރާމައިގެ ދުވަސްވަރު، މުޞްޠޮފާ ކަމާލް އަތާތުރުކުގެ ފިކުރީ ޤައުމިއްޔަތު ދިރިގެން ދިޔައެވެ. މިޤައުމިއްޔަތު ތަކަކީ، ދީނާއި ދައުލަތް ވަކިކުރުމުގެ ލާދީނީ އަދި ޢަލްމާނީ، ސެކިއުލަރ ވިސްނުމުގައި ހިންގުނު ހަރަކާތެކެވެ. މާކުރިޔާލައި އަށާރަ ސަތޭކައިގެ އަހަރުތަކުގައި މިހަރަކާތް ވަނީ ފައްޓާފައެވެ.
ޒުވާން ތުރުކީންގެ ނަމުގައި މިހަރަކާތްތައް ކުރިޔަށް ދިޔައީ ވަރަށް ސިއްރުކޮށެވެ. ރަސްކަމުގެ ދަރުބާރަށް އެނގުމަކާ ނުލައެވެ. ހުއްދައާއި ރުހުމެއް ނެތިއެވެ. އެކުވެރިކަމާއި އިއްތިޙާދާއި ތަރައްޤީގެ ނަމުގައި ސިޔާސީ އަދި ޢަސްކަރީ ހަރަކާތްތަކެއް، އޭގެ އަމިއްލަ ޒާތުގައި ޒުވާނުންގެ މެދުގައި އުފެދިގެން ދިއުމުން ހަރަކާތަށް ވަރުގަދަކަން ލިބުނެވެ. ތުރުކީ ތެރޭގައި މިކަމަށް، ޒުވާނުންގެ ސިއްރު ހަރަކާތަށް ވާގިވެރިވީ ޖަރުމަނުން ނެވެ.
އަދި ތުރުކީ ޒުވާނުންގެ މިޖަމްޢިއްޔާތައް ހިންގަމުން ގެންދިޔައީ ޖަރުމަނުގެ ރުހުމާއި މަދަދާ އެކުގައި އަންޑަރގްރައުންޑް ހަރަކާތެއްގެ ގޮތުގައެވެ. ޓަރކިޝް ނޭޝަނަލް މޫވްމަންޓް (TURKISH NATIONAL MOVEMENT) ގެ ނަމުގައި ތުރުކީގައި ކިޔަވައިގެން އިސްކޮށް ތިބި ޒުވާނުން އަޑީގައި ތިބެގެން، ޖަމްޢިއްޔާއެއް ވުޖޫދަށް ގެނައެވެ. މިޖަމާޢަތް ކަމުގައިވާ ޒުވާން ތުރުކީން، ޔަންގް ޓަރކްސް (YOUNG TERKS) ގެ ނަމުގައި މަޝްހޫރު ވެގެންދިޔައެވެ.
މިހަރަކާތްތަކުގެ ނަތީޖާއަކަށްވީ، ޔޫރަޕުން ދީފައިވާ، ޔޫރަޕްގެ ބަލިމީހާގެ ނަމާއެއް ގޮތަށް، އިސްލާމީ ޚިލާފަތު ބަލިކަށިވެ ނިކަމެތި ވެގެން ދިއުމެވެ. އަދި ޚިލާފަތުގެ ދުވަސްވަރުގައި ރިޕަބްލިކް އޮފް ޓަރކީ ވުޖޫދަށް އައުމެވެ. މިކަމުގެ އަޑީގައި ތިއްބެވީ އިސްލާމީ ޚިލާފަތުގައި ތިއްބެވި ޒުވާން ތިން ވަޒީރުންނެވެ. މިބޭފުޅުންނާއި މުޞްޠޮފާ ކަމާލް އަކީ، ޢަލްމާނީ އަދި ލާދީނީ، ސެކިއުލަރ ފިކުރުގެ ބޭފުޅުންނެވެ.
ތިން ޕާޝާ އިންގެ ނުފޫޒު:
އިސްލާމީ ޚިލާފަތު ތެރޭގައި ޚަލީފާއަށް އެނގުމަކާނުލައި ސިއްރުން އިއްތިޙާދާއި ތަރައްޤީ ގެ ޖަމްޢިއްޔާ (COMMITEE OF UNION AND PROGRESS) ސީޔޫޕީ (CUP) ގެ ނަމުގައި ޖަރުމަނުގެ މަދަދާއި ރުހުމާ އެކު އުފެއްދިއެވެ. މިޖަމްޢިއްޔާ އިން ޔަންގްޓަރކްސް އާގުޅި، އިއްތިޙާދާއި ތަރައްޤީގެ ޗާލާކު ނަލަ ކުލަވަރުގައި ސިއްރު ސިޔާސީ ހަރަކާތްތަކެއްގެ ގޮތުގައި ޚިލާފަތުގެ ތެރޭގައި ފެށީއެވެ. މިހަރަކާތުގެ ފަހަތުގައި ތިބި ޒުވާނުންނަކީ، ޔުނިވަރސިޓީ ތަކުގައި ކިޔަވާ ކުދިންނާއި ތުރުކީ ޢަސްކަރިއްޔާ އިން ޓްރޭނިންގުދީ ބަލަހައްޓަމުން ގެންދިޔަ ޒުވާން ކެޑޭޓުންނެވެ. ޒުވާން ތުރުކީންގެ ގޮތުގައި ނިސްބަތް ކުރެވެނީ މިމީހުން ނަށެވެ.
ބޮޑުހަނގުރާމަ ފެށުނު އިރު މިކޮމެޓީގެ އިސް ވެރިންނަށް ތިބީ، ތިން ޕާޝާ (THREE PHASHAS) އިންނެވެ. މިއީ ރަސްކަމުގެ ދީވާން ތެރޭގައި ނަގާކިޔަން ތިއްބެވި، ހިންގުންތެރި ޒުވާން ޓީމެކެވެ. ތިންޕާޝާ އިންގެ ނަމުން މަޝްހޫރުވީ، މިޓީމުގެ ތެރެއިން އެންމެ ވިދާލި ޒުވާން، ތިން ވަޒީރުންނެވެ. މިތިން ވަޒީރުންނަކީ، އިސްލާމީ ޚިލާފަތުގެ ފަހު ދުވަސްވަރު ވަރަށް މަޝްހޫރުވެގެން ދިޔަ ތިން ލީޑަރުންނެވެ. ޚިލާފަތުގެ ހުރިހާ ބާރުތަކެއް ވަނީ، ރަސްގެފާނު ކިބައިން ނެއްޓި، މިތިން ލީޑަރުންގެ އަތްމައްޗަށް ކެހިގެންގޮސް ފައެވެ.
އާދެ! ތިން ޕާޝާ އިންނަކީ، މުޅި ޚިލާފަތުގެ ފަރާތުން ނަގާކިޔަން އިސްކޮށް ތިއްބެވި މަސްއޫލު ފަރާތްތަކެވެ. މިއީ ޚަލީފާއަށާއި ރަސްކަމުގެ ދީވާން އަށް އެނގުމެއް ނެތި ސަރުކާރު ތެރޭގައި އިސްމަގާމު ތަކުގައި ތިއްބެވި ޒުވާން ވަޒީރުން އަމިއްލަފުޅަށް ޖަރުމަނު ވިލާތައި ގުޅައިގެން ހިންގި ސިއްރު އަދި ސިޔާސީ ހަރަކާތެކެވެ. ޚަލީފާއަށް ބޮޑު ހަނގުރާމައިގެ ތެރެއަށް ޢަމަލީ ގޮތުން ވެންނެވުމަށް މަޖްބޫރު ކުރުވީ ޒުވާން ވަޒީރުން ތަކުގެ ސިޔާސީ މިހަރަކާތް ތަކުގެ ސަބަބުންނެވެ.
ދަންނާށެވެ! ފުރަތަމަ ޕާޝާ އަކީ، މުޙައްމަދު ޕާޝާ އެވެ. މުޙައްމަދު ޕާޝާ އަކީ، މުޙައްމަދު ޠޮލްޢަތް ޕާޝާ (MOHMED TALAAT PASHA, 1874 – 1921) އެވެ. މިޕާޝާ އަކީ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ގްރޭންޑް ވަޒީރު (GRAND VIZIER) އެވެ. ގްރޭންޑް ވަޒީރުގެ މަޤާމަކީ، ބޮޑުވަޒީރުގެ މަޤާމެވެ.

މީނާ އަކީ، 1917 ގައި ތިން ޕާޝާ އިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ބޭފުޅެކެވެ. އޮފީހުގައި، 1917 އިން ފެށިގެން، 1918 އަށް ހަރަކާތްތެރިވެ އުޅުއްވީ އެންމެމަތީ ފެންވަރުގައެވެ. ޝަރަފާއި ޢިއްޒަތުގައެވެ. މުޙައްމަދު ޕާޝާގެ ކުރިން ގްރޭންޑް ވަޒީރަކަށް ހުންނެވީ، ސަޢީދު ޕާޝާ (SAED PASHA, 18 JAN 1865 – 6 DEC 1917) އެވެ. މީނާ މިމަޤާމުގައި ހުންނެވި، 1913 އިން ފެށިގެން، 1918 އަށެވެ. ސަޢީދު ޕާޝާ އަކީ، މިހަރަކާތް ވުޖޫދަށް ގެނައުމުގައި އެންމެ އިސްރޯލެއް، ދެންތިއްބެވި ޕާޝާ އިންނައި ގުޅިގެން ސިޔާސީ ގޮތުން ހިންގެވި ޕާޝާ އެކެވެ. ފަހެ، މުޙައްމަދު ޕާޝާ އަކީ، ސަޢީދު ޕާޝާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި މުޙައްމަދު ޕާޝާ އަކީ ޔަންގް ޓަރކްސްގެ ލީޑަރެވެ.
ދެވަނަ ޕާޝާ އަކީ، އަންވަރު ޕާޝާ އެވެ. އަންވަރު ޕާޝާ އަކީ، އިސްމާޢީލް އަންވަރު ޕާޝާ (ISMAIL ENVER PASHA, 22 NOV 1881 – 4 AUG 1922) އެވެ. އަންވަރު ޕާޝާ އަކީ، މިނިސްޓަރ އޮފް ވޯރ އެވެ. ހަނގުރާމަ ތަކާގުޅޭ ހަނގުރާމަ މަތީ ވަޒީރެވެ.

އަދި މީނާ އަކީ، 1908 އިން ފެށިގެން މިލިޓްރީ އޮފިސަރެކެވެ. އަދި ޔަންގް ޓަރކްސް ރިވޮލިއުޝަންގެ އިސް ލީޑަރެވެ.
އިސްލާމީ ޚިލާފަތުގައި ބަލްކަން ހަނގުރާމަ އާއި ބޮޑު ހަނގުރާމައިގެ އެންމެއިސް ޢަސްކަރީ ވެރިޔާއެވެ. ޗީފެ އެވެ. އަދި ޤާޢިދް އެވެ. މީނާއަށް މިލިޓްރީހުރިހާ ލަޤަބުތަކެއް އެރުވިފައި ވެއެވެ.
އަފަންދީ (EFENDI) އިންގެ ރޭންކާއި ބޭ (BEY) އިންގެ ރޭންކްގައި ދައްލަތަށް ޚިދުމަތް ކުރުމުގައި މަސައްކަތް ކުރެއްވި އެވެ. އެންމެފަހުން އެރުވޭ ޢަސްކަރީ ލަޤަބް އަކީ ޕާޝާގެ ޝަރަފެވެ. އެއީ ޢަސްކަރީ އެންމެމަތީ ރޭންކްއެވެ. ފަހެ، އަންވަރު ޕާޝާ އަކީ، ސަޢީދު ޕާޝާ އާއި މުޙައްމަދު ޕާޝާ އައި ވަރަށް ގުޅުން ރަނގަޅު ބޭފުޅެކެވެ. އަދި ޔަންގް ޓަރކްސްގެ އިސް ވެރިއެކެވެ.
ތިންވަނަ ޕާޝާއަކީ، ޖަމާލް ޕާޝާ (DJEMAL PASHA, 6 MAY 1872 – 21 JUL 1922) އެވެ. މީނާ އަކީ، މިނިސްޓަރ އޮފް ނޭވީ އެވެ. ކަނޑު ސިފައިންގެ ވަޒީރެވެ.

ބަލްކަން ހަނގުރާމަ އާއި ބޮޑު ހަނގުރާމައިގެ އިސް ލީޑަރ އެވެ. އެއްގަމާއި ކަނޑުމަތީގެ ރަސްގެފާނެވެ. އަދި ތިން ޕާޝާގެ ނަމުން މަޝްހޫރުވި އެންމެ ވަރުގަދަ ވަޒީރެވެ. އަދި ކޮމާންޑަރ އެވެ. ފަހުން އިސްތަންބޫލްގެ މޭޔަރ (MAYER) ކަން ވެސް ކުރެއްވިއެވެ.
އާދެ! ޢުޘްމާނީ ޚިލާފަތު ބަލިކަށިވެ ނިމުމަކަށް އައުމާއި މުޅިން އާ ތުރުކީއެއް އުފަންވުމުގެ އަޑީގައި ތިއްބެވީ، މިދެންނެވި ތިން ވަޒީރުންނެވެ. ތިންޕާޝާ އިންނެވެ.
ރައީސްމައުމޫނުގެ ވެރިކަން ނިމުމަކަށް ވައްޓާލި ތިންވަޒީުން:
ދަންނައެވެ! ހަމަ މިފަދައިން ދިވެހިރާއްޖޭގައި ޒަމާންތަކެއް ވަންދެން ވަރުގަދަ ވެރިކަމެއް ރަސްކަލެއް ހެން ކުރެއްވި، ރައީސް މައުމޫނުގެ ވެރިކަން ބަލިކަށިވެ ނިމުމަކަށް އައީ ވެސް އަރިހުގައި ތިއްބެވި ޒުވާން ތިން ވަޒީރެއްގެ ނޭއްގާނީ ސިޔާސީ ހަރަކާތްތަކެއްގެ ސަބަބުން ނެވެ. ދިވެހި ރާއްޖޭގައި މުޙައްމަދު ޕާޝާގެ މަޤާމުގައި ހުންނެވީ، މަޝްހޫރު ޑަބަލް އެޖެންޓް ޑޮކްޓަރ އަޙްމަދު ޝަހީދު އެވެ. އޭރުގެ ޚާރިޖީ ވަޒީރެވެ.
2008 ގައި އުފެދުނު ސަރުކާރާ، ދެ ސަރުކާރުގައި ވެސް ސިޔާސީ އިސްރޯލެއް ކުޅުއްވުމުގައި އިސްކޮށް ހުންނެވި ދެމޫނު ދެއްކެވި ވަޒީރަކީ މީނާއެވެ. އަދި މިހާރުވެސް އުޅުއްވަމުން ގެންދަވަނީ، ހުޅަގުގެ ދީލަތި އެހީތެރިކަމާއި މަދަދުގައި ބޭރުގައެވެ. ޑީޕް-ސްޓޭޓުގެ އެޖެންޓެއް ގޮތުގައެވެ. ޑޮކްޓަރ ޝަހީދުގެ އެކުވެރި ދެވަޒީރުންނަކީ، އޭރުގެ ޒުވާން ބަނޑާރަނައިބު ޑޮކްޓަރ ޙަސަން ސަޢީދު އާއި މިނިސްޓަރ އޮފް ރިފޯރމް އަކަށް ހުންނެވި، އަލްއުސްތާޒު މުޙައްމަދު ނަޝީދު އެވެ. އާންމު ބަހުރުވައިން ނަމަ، ކުއްޓިއެވެ.
ޑޮކްޓަރ އަޙްމަދު ޝަހީދުގެ ބުއްދީގެ ދަށުން މިތިން ވަޒީރުން ކުޅެމުން ގެންދިޔައީ، ޢުޠްމާނީ ޚިލާފަތުގައި ތިން ޕާޝާއިން ކުޅުއްވަމުން ގެންދެވި ޙީލަތްތެރި ޔަހޫދީ ރޯލްއެވެ. މިބޭފުޅުންނަކީ ވެސް ޢަލްމާނީ ފިކުރުގެ ސެކިއުލަރ ޚިޔާލްގެ ބޭފުޅުން ނެވެ. ކުޅުއްވީ ވަރަށް ނުރައްކާތެރި މައްކާރު ދައުރެކެވެ. ލޮބުވެތި ގައުމާއި ދީނަށް ވުރެ އިސްކުރެއްވީ ޑީޕް-ސްޓޭޓެވެ. ދުނިޔޭގެ ސިއްރު ދައުލކަތެވެ.
އުޘްމާނީ ޚިލާފަތު ވައްޓާލި ޕާޝާއިންނައި މިތިން ވަޒީރުބޭފުޅުންނާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ މަގާމުތަކުގެ ވެރިކަމެއްގެ ދަހިވެތިކަމުގައި ރޭވުންތައް ގެންދިޔައީ ރައީސް މައުމޫން އާއި ރިޔާސީ ގަނޑުވަރަށް ނާންގައި ވަރަށް ސިއްރުންނެވެ. އިނގިރޭސި ސަފީރާއި ބައްދަލުކޮށް އެމްޑީޕީގެ ވެރިޔާ ރައީސް ނަޝީދާ އެކު، ސިއްރު އެއްބަސްވުންތައް ހަދަމުން ގެންދިޔައެވެ. މުޑުދާރު ޑީލްތައް ހެދިއެވެ!
ރައީސްނަޝީދު އޭނާގެ ނައިބު ޑޮކްޓަރު ވަހީދާ އެކު ސޮއިކުރެއްވި އިއްތިހާދީ އެއްބަސްވުން ވީދާލައްވާއި އެއްލައިލުމަށް ފަހު ބަޣާވާތުގެ ރުޅި މޫނު ރައްޔިތުން ހިމެނޭ ގޮތަށް ދެއްކުމަށް، އޭނާއަށް މަޖުބޫރު ކުރުވީ މި ނުލަފާ މުޑުދާރު ޑީލްތަކެވެ. އެކަންތައް ތަކާ ހެދިއެވެ! ރައްޔިތުންގެ އުންމީދުތައް ވެސް ފަނުފުލައި ދިޔައީ ނުލަފާ މިފަދަ ސިއްރުރޭވުންތަކާ ހެދިއެވެ. ރައީސްނަޝީދު ހުންނެވީ ވަށައިގެން ބަނދެވިފައެވެ.
މިކަމުގައި ދިރާސާ އިތުރަށް ކުރިވަރަކަށް މިބޭފުޅުންގެ އެއްގޮތްކަން ދަނީ އިތުރު ވަމުންނެވެ. ވަރަށް ރޭވުންތެރި ކަމާ އެކު ޑަބަލް އެޖެންޓްކަން ކުރިޔަށް ގެންގޮސްފައި ވެއެވެ. އިނގިރޭސި ސަފީރާއެކު އެކިކަހަލަ ސިޔާސީ ގުޅުންތައް ސީދާކޮށާއި ނުސީދާކޮށް ހިންގިއެވެ.
އަދި އޯޕަން ސޮސައިޓީ އާއި ނިއޫ މޯލްޑިވްސް ފަދަ އަންޑަރ ގްރައުންޑް ސިޔާސީ ޖަމާޢަތްތައް އުފައްދާއި މާލެ އާއި އަތޮޅުތަކުގެ ތެރޭގައި ސިޔާސީ ގޮތުން އެކިކަންކަމުގައި އެ ޖަމާޢަތްތައް ހަރަކާތްތެރި ކުރުވިއެވެ. ޒުވާނުންނާ އެކު، ކިޔޮޅުކަމުގެ ދަތުރުތައް ރޭއްވެވިއެވެ. ކަނޑުމަތީގައި އެކިއެކި ސިޔާސީ ސައްލާތައް ހިންގާ ހެދިއެވެ.
ރައީސް މައުމޫނަށް ސިއްރުން އެތައްކަންކަމެއް ރާވައިގެން ހިންގާ ހެދިއެވެ. އަދި އޭރުގެ އިދިކޮޅު ފަރާތް ކަމުގައިވާ، އެމްޑީޕީ އާއި އަންނިގެ އަންޑަރގުރައުންޑް "ރީނދޫ ފޯރސް" އާއި "ބުލެކް ޕަވަރ" ފަދަ ބާރުތަކައި ބަރާބަރަށް ސިއްރު ގުޅުންތައް ހިންގާ ހެދިއެވެ. ކުޅެމުން ގެންދިޔައީ، އިނގިރޭސިން މެދުވެރި ކޮށެވެ. ބަންދުގައި ތިބި ރީނދޫ ފޯރސްގެ ހަރަކާތް ތެރިންނާއި އެހެން އިދިކޮޅު ބާރުތަކުގެ ހަރަކާތް ތެރިން މިނިވަން ކުރުމާއި ސަރުކާރު ތެރެއިން ސިޔާސީ އެހީތެރިކަން ހޯދައިދީ ފޯރުކޮށް ދިނެވެ.
އަދި ހަމަ މިފަދައިން ރައީސް ޑޮކްޓަރ ވަޙީދުގެ ކުރު ވެރިކަމާއި ސިޔާސީ ޙަޔާތް ނިމުމަކަށް ގެނައުމުގައި މެދުވެރިވީ ވެސް މިބީދައިން އުޅެމުން، ކުޅެމުން ގެންދިޔަ ޒުވާން ތިން ވަޒީރެކެވެ. ބަރާބަރަށް ޑަބަލްރޯލް ކުޅެމުން ގެންދިޔައެވެ. ވަރަށް ރީތިކޮށް ދެމޫނު ދެއްކިއެވެ. ރައީސް ވަޙީދަށް އެނގުމަކައި ނުލާ ސިއްރުން، ސިޔާސީ ރޭވުންތައް ރާވާއި ހިންގުމުގައި ބަރާބަރަށް ހަރަކާތްތެރި ވިއެވެ.
އިދިކޮޅު މީހުންނާ ބަރާބަރަށް ގުޅުން ބޭއްވިއެވެ. ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ފޮރުވައި ވަގަށް ނަގައި ހެދިއެވެ. މިމީހުން ނަކީ ވެސް ވައްޓާލި ސަރުކާރާއި ނެގެހެއްޓި ސަރުކާރުން ބަރާބަރަށް ފައިދާތައް ހޯދާއި ލިބިގަތް ސިޔާސީ ފަރާތްތަކެވެ. މިމަޤާމުގައި މިތިން ވަޒީރުންގެ ވާހަކަ މިއައްވުރެ އިތުރު ކުރާކަށް ނެތީމެވެ.
ދެވަނަ ބޮޑުހަނގުރާމަ އަދި އެމެރިކާ ސުޕާޕަވަރަކަށް ވުން:
އާދެ! ބޮޑު ހަނގުރާމަ ނިމުމުން ދެންއައި ދުވަސް ވަރަކީ، އެމެރިކާ ސުޕަރޕަވަރ (SUPPER POWER) އަކަށް ވުމުގެ ހުވަފެންތައް ދެކެމުން ދިޔަ ދުވަސްވަރެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު، މިހުވަފެން ހަޤީޤަތަކަށްވެ ދުނިޔޭގެ ބާރަކަށް އެމެރިކާ ވެގެން ދިޔައެވެ. މިއަދު ވެސް އަދި އޮތީ އެގޮތަށެވެ.
ޖަރުމަނުގައި އާދަޔާޚިލާފު ހަރުކަށި ޤައްމިއްޔަތެއް އެޑޯލްފް ހިޓްލަރގެ ޤިޔާދަތުގައި އުތުރިގެން އައިސް، ދެވަނަ ބޮޑު ހަނގުރާމަ، 1939 އިން ފެށިގެން، 1945 އަށް ކުރެވުނެވެ. އަޅުގަނޑުގެ ސުރުޚީއަކީ، އިސްލާމީ އުންމަތް ކަމުގައިވާތީ، ދެވަނަ ބޮޑު ހަނގުރާމައިގެ ތަފްޞީލް އަށް ދާކަށް ނެތީމެވެ.
އިސްލާމީ ޚިލާފަތާއި ޖަރުމަނާ އޮތް ގާތްކަން:
އާދެ! ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރިންވެސް އިސްލާމީ ދުނިޔެއާއި ޖަރުމަނާ ވަރަށްގާތް ގުޅުމެއް އޮތެވެ. އެކުގައި ހަނގުރާމަ އަށް ނުކުމެ، ހަނގުރާމައަށް ފަހު ވެސް އޮތީ އެގުޅުމުގެ މަތީގައެވެ. ޖަރުމަނާ ގުޅުން އުފެއްދުމުގެ ކުރިން އިސްލާމީ އުންމަތް ވެސް އޮތީ އިނގިރޭސިންނާ އެކުގައެވެ. އެހެނަސް، 1818 އިން ފެށިގެން ޖަރމަން އެންޕަޔަރާ އެކު ގުޅުން ބަދަހި ވީއެވެ. ޖަރުމަނުގެ ޤައިޞަރުން (KAISER) ގެ ދުވަސް ވަރުން ފެށިގެންނެވެ. ބައެއް ޤައިޞަރުން ޚިލާފަތުގެ ބައެއް ރަސްކަލުންނާއި ބައްދަލު ކުރެއްވުމަށް ތުރުކީއަށް ވަޑައިގެން އުޅުއްވިއެވެ.
އަދި އިސްލާމީ ޚިލާފަތުގެ ޚަލީފާއިން އެކުވެރިކަމުގެ ދަތުރު ތަކުގައި ޖަރުމަނަށް ޒިޔާރަތް ކުރައްވާ ހައްދަވާފައި ވެއެވެ. މިހާރުވެސް ތުރުކީ ގައި ބައެއް ޤައިޞަރުން ޒިޔާރަތް ކުރެއްވި ތަންތަނުގައި މަޤާމްފުޅު ހަދާއި ފާހަގަކޮށްފައި ފެންނަން އެބަ ހުއްޓެވެ. ޖަރުމަނާއި ތުރުކީއައި ދެމެދު، ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ތެލުގެ ވިޔަފާރި އާއި ފަސިންޖަރުންގެ ރެއިލް ދަތުރުތައް ފެށުނެވެ.
މަޝްހޫރު އޮރިއެންޓް އެކްސްޕްރެސް (THE ORIENT EXPRESS) ނަމުން ނަންދެވުނު ރޭލް ދެޤައުމުގެ ދެމެދުގައި ދުއްވާއި ދަތުރުކޮށް ފަތުރުވެރިން އުފުލައި ހެދިއެވެ. މިރޭލްތަކުގައި ފިލްމުކުޅެ މަޝްހޫރުކަން ހޯދާފައި ވެއެވެ. އިސްލާމުންގެ ފޮތްތަކާއި އިސްލާމީ ޘަޤާފަތުގެ ގިނަގުނަ ފަތްފުއްތައް ލިޔެވިފައި ހުރީވެސް ޖަރުމަނުގަ އެވެ.

އިސްލާމީ ތާރީޚް އުގެނުމަށް ޖަރުމަނު ބަސް މުހިންމުވަނީ އެހެންވެގެންނެވެ. ހުރިހާއަދަބީ އަދި ފަންނީ ލިޔުންތަކެއް ލިޔެވިފައި ހުރީ ޖަރުމަނު ބަހުންނެވެ. އޮރިއެންޓަލް ސްޓަޑީސް (ORIENTAL STUDIES) ފޮތްތައް އެންމެ ގިނަ ވެފައި މުސްތަޝްރިޤުން (ORIENTALIST) އެންމެ ގިނައީ ވެސް ޖަރުމަނު ގައެވެ.
މުސްތަޝްރިޤުން ނަކީ، ދީނީފޮތްތައް އުނގެނިގެން ތިބެ ދީނާދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. ދީނާއި ދައްލަތް ވަކި ކުރުމުގެ ފިކްރު އުފަންކުރި މީހުންނެވެ. ޖަރުމަން އަކީ، މުސްތަޝްރިޤުންގެ ވަރުގަދަ ހާއްޔެކެވެ. ތުރުކީ ޒުވާނުންނަށް ހެސްކިޔާފަ މީގެ އަސަރުތައް ފޯރަމުން ދިޔައެވެ.
ޢުޘްމާނީ ޚިލާފަތާއެކު އުފެދިފައިވާ ގުޅުންތަކުގެ ތެރޭގައި އޮޓަމަން ޖަރމަން އެލަޔެންސް (OTTOMAN – GERMAN ALLANCE) ފަދަ ޖޮއިންޓް ކޯޕަރޭޓިވްތައް ވުޖޫދަށް ގެނެވުނެވެ. ގުޅިފައިވާ ބިޔަ ވިޔަފާރިތައް ގައިމު ކުރެވުނެވެ. މިކަން ޖަރުމަނުން ކޮށްފައި ވަނީ، އިނގިރޭސިންގެ ކިބައިން އަންނާނެ ބަސްތަކުން، ރަށްކާތެރި ވުމަށާއި ސަލާމަތް ވުމަށެވެ.
އިސްލާމީ އުންމަތުން ޖަރުމަނާ ގުޅިގެން ހަނގުރާމަ އިޢުލާނު ކުރުން:
އާދެ! މިއީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން ސިޔާސީ ކަންތައްތައް ހިނގާފައިވާ ގޮތުގެ މައްޗަށް ކުރުކޮށް ބަލާލައި އަލިއަޅުވާ ލުމެކެވެ. އިސްލާމީ އުންމަތުން އިއްތިޙާދާ ދެކޮޅަށް ޖަރުމަނާ ގުޅިގެން ހަނގުރާމަ އިޢުލާނުކޮށް މުޅި އިސްލާމީ އުންމަތަށް، ޖިހާދުގައި ބައިވެރިވުމަށް، ޚަލީފާ މުޙައްމަދު ފަހެއް ގޮވާލައްވައި އަމުރު ނެރުއްވީ، ސެންޓަރަލް ބާރައި ގުޅުނުތާ ހަމަސް ވަރު ފަހުން، 1915 އެޕްރީލް ގައެވެ. އޭގެ ކުރިން އިސްލާމީ އުންމަތް އޮތީ ވަކިއަތަކަށް ނުޖެހިއެވެ. އެހެނަސް މިހާހިސާބުން އިއްތިޙާދީންނާ ދެކޮޅަށް ޖިހާދު ކުރުމަށް އިސްލާމުން ފާޅުގައި ނުކުމެ ހަނގުރާމަ ފެށީއެވެ. އިނގިރޭސިންގެ ރޭވުމައި އެއްގޮތަށް އެވެރިންގެ މަޤްޞަދު ޙާޞިލް ވީއެވެ.
އަދި އިސްލާމުންނަށް ޙަމަލާދީ އިސްލާމުންގެ ބިންތައް ފޭރިގަތުމަށް ކޮށި މަގު ތަނަވަސް ވެގެން ދިޔައީއެވެ. މީގެކުރިން އިނގިރޭސިން ތިބީ، ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެން، ހަނގުރާމަ ފެށޭނެގޮތެއް ނުފެނި ފައެވެ. އިސްލާމީ އުންމަތުގެ ވެރިކަން ކުރާ ރަށްތަކުގައި އެކިއެކި ހަރަކާތްތައް ހިންގުމުގެ ނަމުގައި ޖަމާޢަތްތައް ހަދާއިދީ ޒުވާނުންގެ ރުހުން ލިބިގަނެ ގެންނެވެ. ތުރުކީ ތެރޭގައި ޖަރުމަނުން ވަނީ، އެމީހުންގެ ބޮޑު ދިގު އަތްފަތުރާފަ އެވެ.
އަދި ޙިޖާޒުގެ ޢަރަބިންގެ ތެރެއަށް އިނގިރޭސިން ވަނީ، އެމީހުންގެ ތަނަވަސް ދީލަތިއަތް ފުޅާކޮށް ފަތުރާފަ އެވެ. މުސްލިމުންގެ ބިންތަކުގައި ހަނގުރާމަ ފެށުމަށް އިންތިހާއަށް ބޭނުން ވެފައި ވަނިކޮށް، މުސްލިމުން ޖިހާދު އިޢުލާނު ކުރުމުން، ފާޅުގައި ރައްދު ޙަމަލާތައްދީ އިސްލާމުންގެ ބިންތައް ހިފައި އެބިންތަކަށް ވެރިވާން ފެށީއެވެ.
ފުރަތަމަ ކުރިމަތިލުން:
ޢުޘްމާނީ ޚިލާފަތުން ޖިހާދު އިޢުލާނު ކުރުމަށް ފަހު، ފުރަތަމަ ހިނގި ކުރިމަތި ލުމަކީ، ގަލިޕޯލީ ކެންޕޭން (GALLIPOLI CAMPAIGN) ގެ ނަމުން މަޝްހޫރު ވެފައިވާ ހަނގުރާމަ އެވެ. މިހަނގުރާމަ އަށް ދެވިފައިވާ ނަންތަކަކީ، ގަލިޕޯލީ ހަނގުރާމަ (BATTLE OF GALLIPOLI) ނުވަތަ ކަނައްކަލޭ ހަނގުރާމަ (BATTLE OF CANAKKALE) އެވެ. ކުރިމަތިލުން ފެށުނީ، 25 އެޕްރީލް 1915 ގައެވެ. އަދި ނިމުނީ، 9 ޖެނުއަރީ 1916 ގައެވެ. ބަރާބަރު، 8 މަހާއި، ދެހަފްތާ އާއި، 1 ދުވަހުގެ ވަރުގަދަ ހަނގުރާމަ އެކެވެ.
މިއީ ބޮޑު ހަނގުރާމައިގާ ހިނގި ކުރިމަތިލުން ތަކުގައި ހަމަ އެކަނި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބެވެ. މަތިވެރި ނަޞްރެކެވެ. އަދި އިއްތިޙާދީންނަށް ލިބިގެންދިޔަ މާސިންގާ ގެއްލުމެކެވެ. ފަހެ، ގަލިޕޯލީ ޑިޒާސްޓަރ އަކީ، އެކުވެރި އިއްތިޙާދީ ބާރަށް ކުރިމަތިލާން ޖެހުނު އެންމެ ހިތާމަވެރި ހާދިސާއެވެ. ބޮޑު ކާރިސާއެކެވެ. ގަދަފަދަ ވެގެންވާ ވަޙުޝީ ހަނގުރާމަ އެކެވެ. އެއްބަޔަކާއި އަނެއްބަޔަކު ބިންމަތީގައި ސީދާކޮށް ކުރިމަތިލާން ޖެހުނެވެ.
ދެފަރާތުން، ތިންލައްކަ އަށް ވުރެ ގިނަމީހުން ގެއްލި ނެތިގެން ދިޔައެވެ. ހަމައެކަނި އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުން ވެސް ވަރަށް ގިނަ ޢަދަދެއްގެ ސިފައިން މަރުވެގެން ދިޔައެވެ. އޮސްޓްރޭލިއަން އެންޑް ނިއުޒިލޭންޑް އަރމީކޮރފްސް (AUSTRALIAN AND NEW ZEALAND ARMY CORPS, ANZAC) އެންޒެކް ފޯރސް އަކީ، މިދެ ޤައުމުން އުޘްމާނީންނައި ދެކޮޅަށް ނެރުނު ޢަސްކަރީ ފޯރސް އެވެ.
މި ދެޤައްމުން މަރުވެ، އަދި ގެއްލިގެންދިޔަ ސިފައިންގެ ހަނދާންތައް މިހާރުވެސް މިދެ ޤައްމުގައި ހަނދާންކޮށް ތާޒާކުރަމުން ގެންދެއެވެ. އެކަމުގެ ހިތާމައިގާ ހަނދާނީ ބިނާތައް ހަދާފައި އެބަހުއްޓެވެ. އަދި، 1981 ގައި ގަލިޕޯލީއޭ ކިޔުނު ވަރަށް މަޝްހޫރު ފިލްމެއް އޮސްޓްރޭލިޔާ ގައި އުފައްދާފައި ވެއެވެ.
މިފިލްމު ބަލާލުމުން، މިހަނގުރާމަ ވިސްނައިގަނެ ދެނެގަންނަން ވަރަށް ފަސޭހަ ވެގެންދާނެއެވެ. މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ، ޕީޓަރ ލިންޑްސޭ ވީރް (PETER LINDSAY WEIR) އެވެ. ޕްރޮޑިއުސަރަކީ، ޕެޓްރީސިއާ ލަވެލް (PATRICIA LOVELL) އެވެ. ގަލިޕޯލީ ފިލްމަށް އޮސްޓްރޭލިޔާގެ އޭއެފްއައި އެވޯރޑްސް އިން، 1982 ވަނަ އަހަރުގައި ބެސްޓްފިލްމުގެ އެވޯރޑް ވަނީ، އެކަމަނާ އަށް ލިބިފައެވެ.
އިސްލާމީ ޚިލާފަތުގެ ފަސްވަނަ އަރމީ (FIFTH ARMY) ގެ ލަޝްކަރުގެ ލީޑަރަކަށް ހުންނެވި މުޞްޠޮފާ ކަމާލް އަތާތުރުކް މަޝްހޫރުވެގެން ދިޔައީ މިހަނގުރާމައިގެ ބަޠޮލް އެއްގެ ގޮތުގައެވެ. ހީރޯއެއްގެ ފެންވަރު ގައެވެ. ލިބުނު ޝުހްރަތާއި ކާމިޔާބާއެކު މުޅި ތުރުކީގެ ބައްޕައަށް މުޞްޠޮފާ ވެގެން ދިޔައެވެ. އަދި ފަހުން، އަތާތުރުކް އަށް “ތުރުކީގެ ބައްޕަ” މިޝަރަފް އެރުވުނެވެ.
ގަލިޕޯލީ އާއި ކަނައްކަލޭ އޮންނަނީ، ތުރުކީގައި އޮންނަ ޑަރޑަނަލްސް ސްޓްރެއިޓް (DARDANELLES STREAIT) ގެ އައްސޭރީގަ އެވެ. މިކަނޑު އޮޅިއަކީ، އޭޖިއަންސީ (AEGEAN SEA) އިން ވަދެ ކަނައްކަލޭ (CANAKKALE) ކައިރިން ގޮސް ސީއޮފް މަރްމަރާ (SEA OF MARMARA) އަށް ނުކުމެވޭ ދޮރާއްޓެވެ. އަދި މިކަނޑުން ބްލެކްސީ (BLACK SEA) އަށް ވަދެވެން އޮންނަ ހަމައެކަނި ކަނޑުއޮޅި އަކީ، ބޮސްޕޮރަސް (BOSPORUS STRAIT) ކަނޑުއޮޅި އެވެ. ބްލެކްސީ އަށް ވަދެވެން އޮންނަނީ، މިދެ ކަނޑުއޮޅި ތެރެއިން ލާފަ ދަތުރުކޮށް ގެންނެވެ.
ބްލެކްސީ ކޮންޓްރޯލް ކުރާ ވެރިފަރާތް ކަމުގައިވާ ރަޝިޔާއަށް މިދެ ކަނޑުއޮޅި މުހިންމު ވަނީ، ބްލެކްސީން މަރމަރާ ކަނޑަށް ނުކުމެވެން އޮންނަނީ މިދެ ކަނޑުއޮޅިން ކަމުގައި ވާތީއެވެ. މަރްމަރާ ކަނޑަށް ނުކުމެވުމުން މެޑިޓަރޭނިއަން އޯޝަން އަށް ވާސިލްވީ އެވެ. މިސަބަބާ ހެދި ރަޝިޔާ ޢަސްކަރިއްޔާ އަށް ބޮސްޕޮރަސް ސްޓްރެއިޓް އާއި ޑަރޑަނަލްސް ސްޓްރެއިޓްގެ ބޭނުން އިންތިހާއަށް ބޮޑުވެފައި ވަނީއެވެ. ބްލެކްސީން ރަޝިޔާގެ ޢަސްކަރީ މަނަވަރުތައް މައިކަނޑަށް ނުކުމެވެން އޮތް މަގަކީ ހަމައެކަނި މިމަގެވެ.
ރަޝިޔާ ޢަސްކަރިއްޔާ އަށާއި އިއްތިޙާދީންނަށް މިކުރިމަތިލުން އެހާ މުހިންމުވާ އެންމެބޮޑު ސަބަބަކީ ވެސް މިއެވެ. ބޮޑު ހަނގުރާމަ ނިމިގެން އިއްތިޙާދީ ބާރުގެ އަތުން ބަލިވި ޤައުމު ތަކާއެކު ފްރާންސް ގެ ވެރިރަށް ޕެރިސް ގައި ބޭއްވި ޞުލްޙައިގެ މާސިންގާ ކޮންފަރެންސް ގައި ބައިއެޅުމުގައި ރަޝިޔާއަށް ތުރުކީގެ މިސަރަޙައްދު ބޭނުން ވެގެންދިޔަ ހަމައެކަނި ސަބަބަކީ ވެސް މިއެވެ. ޞުލްޙައިގެ މި ކޮންފަރެންސް ގައި ބައިއެޅި ގޮތުގެ ތަފްޞީލް ފަހުން ގެނެސް ދޭނަމެވެ. إن شاء الله!
މުސްލިމުން ވެރިކަން ކުރާ ރަށްތަކުގެ ވެއްޓުން:
ބޮޑު ހަނގުރާމައިގާ އިސްލާމީ ޚިލާފަތަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ، ގަލިޕޯލީ ހަނގުރާމައިގާ ލިބުނު ފުރިހަމަ ކާމިޔާބީއެވެ. މިކާމިޔާބުގެ ނަތީޖާ އަކަށް ވެގެންދިޔައީ ޚިލާފަތު ނިކަމެތިވެ، ތުރުކީ މިނިވަން ވުމުގެ ރޫޙު އުފެދި، އާލާވެ މުޞްޠޮފާ ކަމާލް އަތާތުރުކްގެ ލީޑަރޝިޕްގެ ދަށުން މިނިވަން ޤައުމެއްގެ ގޮތުގައި އާ ތުރުކީއެއް އުފަންވުމެވެ. ޙަޤީޤަތަކީ، ބޮޑު ހަނގުރާމައިގެ ތެރެއަށް އިސްލާމީ ޚިލާފަތު ވެއްދި ބަޔަކީ ތުރުކީގައި އުފެދިފައި އޮތް ޤައުމީވަންތަ ހަރަކާތުގައި އިސްކޮށް ތިބި ތުރުކީ ޒުވާނުންނެވެ. ފަހެ، ތިން ޕާޝާ އިންނެވެ. ޚިލާފަތުގެ ދީވާނުގައި އިސްކޮށް ތިއްބެވި ޒުވާން ވަޒީރުންނެވެ.
ކުރީކޮޅުގައި ޚަލީފާ މުޙައްމަދު ފަހެއް ވަކި އަތަކަށް ޖެހިވަޑައި ނުގަނެ، ހަނގުރާމަ ތެރެއަށް ނުވަންނަވައި މަޑު ކުރެއްވިއެވެ. އެހެނަސް ތިން ޕާޝާ އިންގެ ޤައްމީ ހަރަކާތުން ޖަރުމަނާ އެކު ވެފައިވާ ސިއްރު އެއްބަސްވުން ތަކުން ޚަލީފާ މުޙައްމަދު ފަހެއް އަށް، ބޮޑު ހަނގުރާމައިގާ ޖަރުމަނު ފަޅިއަށް ޖެހިފަޑައި ގެން، ހަނގުރާމަ އިޢުލާނު ކުރެއްވުމަށް މަޖްބޫރުވެ ވަޑައިގަތީ އެވެ. މިހުރިހާ ކަމެއް ރާވާއި އިންތިޒާމް ކުރުމަށް ގަނޑުވަރު ތެރޭގައި އިސްކޮށް ތިއްބެވީ، ތުރުކީންގެ ޒުވާން ލީޑަރުންގެ ގޮތުގައި ތިއްބެވި އެންމެ އަރިސް ވަޒީރުންނެވެ. ފަހެ، އެގޮތުގެ މަތިން އިސްލާމީ ޚިލާފަތުގެ ހަލާކަކީ މިތިން ޕާޝާ އިންނެވެ.
އާދެ! ގަލިޕޯލީ ހަނގުރާމަ ކާމިޔާބު ވުމަށް ފަހު، ދެން މުޅިންވެސް މުސްލިމުންނަށް ކުރިމަތި ވަނުން ދިޔައީ ބަލިވުމާ ކުރިމަތި ލާށެވެ. ޚިލާފަތުގެ ދަށުގައި އިސްލާމުން ވެރިކަން ކުރަމުން ދިޔަ ރައްތަކަށް، އިނގިރޭސި ސިފައިން، އިއްތިޙާދީ ސިފައިންނާ އެކު އަރައި އެރައްތައް ހިފީއެވެ. އިސްލާމީ އުންމަތުގެ ވެރިކަމުގެ ދަށުން އެރައްތައް ވައްޓާލީއެވެ. އަދި ގަދަބާރުން އެރައްތަކަށް އަރައިގަނެ ވެރިވެގަތީއެވެ.
ޒަމާނުއްސުރެ އިސްލާމީ ޚިލާފަތުގެ ދަށުގައި އޮތް ޢިރާޤް، 1915 ގައި ހިފީއެވެ. އަދި ހަމަ އެހެންމެ އެތައް ޒަމާނެއް ވަންދެން އިސްލާމީ ޚިލާފަތުގެ ވެރިރަށެއް ކަމުގައި އޮތް ބަޣްދާދު، 1917 ގައި ހިފީއެވެ. ދެން އެހެންގޮސް އިސްލާމުންގެ ރައްތައް ހިފަމުން، އިނގިރޭސި ދިދަ ނަގަމުން ގޮސް ސޫރިޔާ އާއި ދަމިޝްޤް ވެސް، 1918 ގައި ހިފީއެވެ.
އަދި އިސްލާމުންގެ މުޤައްދަސް ޙަރަމް ފުޅެއް ކަމުގައިވާ ޤުދުސް ވެސް، 1917 ގެ ޑިސެންބަރ ނިމުމުގެ ކުރިން ހިފައި އިނގިރޭސި ދިދަ ނެގީއެވެ. އަދި ތުރުކީއަށް އަރާއި ވަށާލުމަށް ފަހު، އިސްލާމީ ޚިލާފަތުގެ ދީވާން އަށް ވަދެ، އިސްތަންބޫލް ވެސް ހިފީއެވެ. އޭރު އިނގިރޭސި ލަޝްކަރުގެ ވެރިޔާ އޮތީ، އިނގިރޭސި ބޮޑު ވަޒީރުގެ އަރިހުގައި، ޤުދުސް ހިފި އަހަރުގެ ކްރިޝްމަސް އުފާތަކުގެ ހަދިޔާއެއްގެ ގޮތުގައި، 25 ޑިސެންބަރ ކަމުގައިވާ ކްރިޝްމަސް ދުވަސް އައުމުގެ ކުރިން ޤުދުސް ވެދުމަށް އަރުވާނެ ކަމުގެ ބޮޑުވަޢްދު ކަށަވަރުކޮށް ފައެވެ.
މި ޢަޒުމްގެ ދަށުން ރޭވިފައި އޮތްގޮތަށް، އިސްލާމީ އުންމަތުގެ ހުރިހާ ވެރިކަން ކުރާ ރައްތަކެއް އިނގިރޭސިންގެ ބާރުގެ ދަށަށް ގެންގޮސް މިކެންޕޭން ކާމިޔާބު ކަމާއެކު ނިންމާލީއެވެ. މިއީ މިހާތަނަށް މުސްލިމުންނަށް މެދުވެރިވި އެންމެ ބޮޑު ދެރަ އާއި ހިތާމައެވެ. އަދި ދުވަހަކު ވެސް މުސްލިމުންގެ ހިތްތަކުން ފިލައިގެން ނުދާނެ، އަސަރުތަކެއް ކުރުވާ ހަނދާން ތަކެއްކަން ކަށަވަރެވެ. ކޮންމެ މުސްލިމަކު ވެސް މިކަމައި ވިސްނާއި ފިކުރު ކުރަން ޖެހޭނެއެވެ.
އިނގިރޭސިން ރޭވި ނުލަފާ ރޭވުންތައް:
ބޮޑު ހަނގުރާމައިގެ ކުރީއްސުރެ ވެސް އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް މިޞްރު ގައި ބްރިޓިޝް ހައިކޮމިޝަނަރ އެއްގެ ގޮތުގައި އިނގިރޭސިން ބަހައްޓާފައި ހުރީ ސިޔާސީ ގޮތުން ވަރަށް ތަޖްރިބާ ހުރި، އިނގިރޭސި ޑިޕްލޮމޭޓެއް ކަމުގައިވާ ސަރ ހެންރީ މެކްމަހޮން (SIR HENRY MCMAHON, 28 NOV 1862 – 29 DEC 1949) އެވެ.

އެވަޒީފާގައި ހުންނެވީ، 1915 އިން ފެށިގެން، 1917 އަށެވެ. ކުރިން މީނާ އަކީ އިންޑިޔާގެ ޢަސްކަރިއްޔާ ގައި އިނގިރޭސިންގެ ފަރާތުން ޚިދުމަތް ކުރެއްވި އިނގިރޭސިން ވަރަށް އިތުބާރު ކުރާ އަދި ބޮޑު ވަޒީރުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ބްރިޓިޝް އިންޑިޔާގެ އެޑްމިނިސްޓޭޓަރ ކަމާއި ބްލޯޗިސްތާނު ގައި ޗީފްކޮމިޝަނަރ އެއްގެ މަޤާމް އަދާކުރައްވާ ފައިވާ ގަދަފަދަ ހަރުކަށި ޢަސްކަރީ ބޭފުޅެކެވެ. އަދި މީނާއަކީ، ޢުޘްމާނީ ޚިލާފަތުގެ ދަށުގައި ހުރި އިސްލާމުންގެ ބިންތަކަށް ގަދަވެގަނެ، ވެރިވުމަށާއި އެބިންތަކުގެ ސިޔާސީ ހައިސިއްޔަތު ތައް ކަނޑައެޅުމަށް އިނގިރޭސި ބާރުން ހަވާލު ކޮށްފައިވާ މޭސްތިރިޔާ އެވެ. އެހެން ވުމާ އެކު މީނާގެ ޒިންމާ އިދާރީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ފުރިހަމައަށް އަދާ ކުރަމުން ގެންދިޔައެވެ. އިނގިރޭސި ބާރުން އަންގަމުން ދިޔަ ގޮތަށް މީނާގެ މަސައްކަތް ތޫނުފިލި ކަމާ އެކު ބާރަށް ކުރިޔަށް ގެންދިޔައެވެ.
އިސްލާމުން ބައިބައިކޮށް ވެރިކަން ކުރުމަށް ސިއްރު ޕްލޭންތަކެއް ރާވައިދީ، އަދި ސިއްރު ވަޢްދު ތަކެއް ވަމުން ގެންދިޔައެވެ. މުސްލިމުންގެ ތެރޭގައި ޤައުމިއްޔަތާއި ވަޠޮނިއްޔަތު ދިރުވުމުގެ ނަމުގައި އިނގިރޭސިންގެ މަދަދާއި އެހީގައި ހެދިފައި ހުރި ޖަމްޢިއްޔާތައް މެދުވެރިކޮށް ސިޔާސީ ގޮތުން ވަރަށް އިސް ރޯލެއް އަދާކުރެއްވި އެވެ.
ޙުރުމަތް ވެގެންވާ ދެޙަރަމް ފުޅު ބެލެހެއްޓުމަށް ޒަމާންތަކެއް ވަންދެން ތިއްބެވި ޝަރީފުންނާއި އަމީރުންގެ ހިތްޕުޅުތަކަށް ޢަރަބި ޤައުމިއްޔަތާއި ވަޠޮނިއްޔަތުގެ ވިސްނުމާއި ފިކުރު ވެއްދުވިއެވެ. ޢަރަބިންނަށް މިލްކުވެގެންވާ ޢަރަބި ބޮޑު ދައުލަތެއްގެ ހުވަފެން ދެއްކިއެވެ. ޢުޘްމާނީ ޚިލާފަތުން ވަކިވެ، އަމިއްލަ ވަކިވެރިކަމެއް އުފެއްދުމުގެ ވާހަކަތައް ފާޅުކޮށާއި ސިއްރުން ދެކެވެން ފެށީއެވެ.
އަދި ދުރާލައި ރޭވުމަށް ފަހު، ސިޔާސީ ހަރުދަނާ ވިސްނުން ތަކަކާ އެކު، މައްކާގެ ޝަރީފް ނުވަތަ މައްކާގެ އަމީރު ކަމުގައި ހުންނެވި، ޙުސައިން ބިން ޢަލީ އަލްހާޝިމީ އާއެކު ރަސްމީކޮށް ލިޔެ ކިޔުމުންނާއި ނުރަސްމީކޮށް ވާހަކަތައް ދެކެވުނެވެ. އަދި މިޒިންމާތައް ތަންފީޒު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ހިންގުމަށް މެކްމަހޮން އޭނާގެ ވަރަށް ގާތް އަރިސް ރަހްމަތްތެރި އަކު ކަމުގައިވާ ލޯރަންސް އޭ ކިޔުނު އިނގިރޭސި އަކު މައްކާ އަށް، ޝާހީ ޢާއިލާ އައި ގުޅުން އުފެއްދުމަށް، މަސްއޫލިއްޔަތު ތަކެއް ހަވާލުކޮށްފައި ފޮނުވިއެވެ.
މައްކާގައި ލޯރެންސްގެ މިސިއްރު މަސައްކަތް ފުރިހަމައަށް ކާމިޔާބު ކުރިއެވެ. ނަތީޖާ ހޯދިއެވެ. އަދި މައްކާގެ ޢަރަބިން އުޘްމާނީ ޚިލާފަތާ ދެކޮޅަށް ފާޅުގައި ނުކުމެ ހަނގުރާމަ ކުރީ، އިނގިރޭސިންގެ ނުލަފާ މިރޭވުންތަކުގެ ދަށުންނެވެ. އެމަޅީގައި މައްކާގެ އަރަބިން ރީތިކޮށް ޖެހިގެންނެވެ. މުސްތަޤިއްލު ޢަރަބި ދަޢްލަތެއްގެ ރަސްކަމުގެ ދަހިވެތި ކަމުގައެވެ.
މައްކާ ޝަރީފް:
މައްކާ ޝަރީފްގެ ނަންފުޅަކީ، ޙުސައިން ބިން ޢަލީ އަލްހާޝިމީ (HUSSEIN BIN ALI AL-HASHIMI, 1854 – 4 JUN 1931) އެވެ. މިބޭފުޅާ މައްކާ ޝަރީފް އެއްގެ ނުވަތަ އަމީރެއްގެ ގޮތުގައި ހުންނެވީ، 1908 އިން ފެށިގެން، 1924 އަށެވެ. އަދި، ބޮޑު ހަނގުރާމަ ތެރޭގައި، 10 ޖޫން 1916 އިން ފެށިގެން ޙިޖާޒުގެ ރަސްގެފާނުގެ ގޮތުގައި މުސްތަޤިއްލު ޢަރަބި ރަސްކަމެއް އިއުލާނު ކުރެއްވިއެވެ. ޙިޖާޒުގެ ރަސްކަމުގައި، 3 އޮކްޓޯބަރ 1924 އައި ހަމައަށް ހުންނެވިއެވެ. އެއަށް ފަހު، އެރަސްކަން ދަރިކަލުން، ޢަލީ ބިން ޙުސައިން އައި ޙަވާލް ކުރެއްވީއެވެ.

އަދި، 1916 އިން ފެށިގެން ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް އިނގިރޭސިންގެ އެހީއާއި މަދަދާ އެކު މައްކާގައި އުފެއްދިގެން ދިޔަ، ޢަރަބި ޤައުމިއްޔަތާއި ވަތޮނިއްޔަތު ފަތުރާއި ދިރުވުމުގެ އެކިއެކި މަސައްކަތުގައި އަވަދިނެތި އުޅުއްވިއެވެ. އެކި ޖަމާއަތްތަކާއި ޖަމްޢިއްޔާތަކާއި ޤަބީލާތައް ސިޔާސީ ގޮތުން ހަރަކާތަށް ގެންނަވާއި ޢަމަލީގޮތުން ކުއްލި ހަރަކާތަށް ގެންނެވިއެވެ.
ދޮރުންދޮރަށް މި ހަރަކާތްތައް ހިނގުނެވެ. ނަތީޖާ އަކަށްވީ، އިސްލާމީ ޚިލާފަތާ ދެކޮޅަށް ޢަރަބި ވަންތަ ވަތޮނީ ހަނގުރާމައެއް، ލޯރެންސްގެ އެހީއާއި މަދަދުގައި ޢަމަލީގޮތުން ކުރިޔަށް ގެންދާން ފެށުމެވެ. އިސްލާމީ އުންމަތުގެ އެތެރޭގައި ދާޚިލީ ހަނގުރާމަތަކެއް ތައްޔާރުވެ ފެށީއެވެ. އެއީ، 1916 އިން ފެށިގެން، 1918 އަށެވެ. މިދުވަސް ވަރު މި ރަސްގެފާނު ހުންނެވީ، ސުލްޠޯން އޮފް އެރަބްސް ގެ ނަމުގައެވެ.
ޢަރަބިންގެ މާތްވެގެންވާ އުފުލިފައިވާ ރަސްގެފާނެއްގެ ގޮތުގައެވެ. އެއައްފަހު، އިސްލާމީ ޚިލާފަތު ތުރުކީ ޕާލަމެންޓުން، 3 މާރޗް 1924 ގައި ނިމުމަކަށް ގެނައުމުން މައްކާޝަރީފުގެ ދޮށީ ދަރިކަލުން، ޢަލީ ބިން ޙުސައިން އަކީ، މުސްލިމުންގެ ޚަލީފާއެއް ކަމުގައި އަމިއްލަފުޅަށް ވިދާޅުވަމުން ގެންދެވީއެވެ.
މައްކާ ޝަރީފް ކުޅުއްވި މުޑުދާރު ދައްރަކީ މިއެވެ. އިނގިރޭސިންނާއި އިނގިރޭސި އޭޖެންޓްގެ އަވާގައި ޖެހި ގެނބިވަޑައި ގެން ގޮސް އިސްލާމީ އުންމަތުގެ އެއްބައި ވަންތަކަމަށް ވުރެ ބޮޑަށް އަމިއްލަ ރަސްކަމެއްގެ ދަހިވެތިކަމުގައި މާތްވެގެންވާ ރަސްކަމުގެ ތަޚުތުގައި ވޮޑުވުމުގެ ޝަރަފް ލިބިގަތީއެވެ.
އާދެ! މައްކާގެ ޝަރީފް އަކީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ، 40 ވަނަ ދަރިކޮޅުން ވަޑައިގެން ހުންނެވި، ހާޝިމީ ވަންހައިގެ ބޭފުޅެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިން ފެށިގެން، 700 އަހަރު ވަންދެން މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ބަލަހައްޓަވަމުން ގެންދަވާފައި ވަނީ، މިޢާއިލާ އިންނެވެ.
އެހެންވެ މުޅި އިސްލާމީ ޚިލާފަތުގައި ވެސް، މިކަން ދެމިގެން ގޮސްފައި ވަނީ، ހަމަ މިގޮތަށެވެ. ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢާއިލާއަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން، އެއްވެސް ޚަލީފާއަކު މިކަމަށް ބަދަލެއް ނުގެންނަވައެވެ. މި މާތްކަން އެ ޢާއިލާއަށް ސިލްސިލާ އެއްހެން ދެމިގެންދާ ގޮތަށް ބޭއްވެވީ އެވެ.
އާދެ! ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، 1916 ގައި ޚިލާފަތު ތެރޭގައި އުފެދުނު ތުރުކީގެ ޤައްމިއްޔަތާއި ވަތޮނިއްޔަތު ދިރުވުމުގެ ހަރަކާތްތަކާއި މައްކާގެ ޝަރީފް ޙުސައިންގެ ބޭފުޅުންނާއި އިނގިރޭސިންނާ ގުޅުން އުފެދި ބަދަހިވެ، ޙިޖާޒު ކަރާގައި ވެސް ޢަރަބިންގެ ޤައްމިއްޔަތާއި ވަތޮނިއްޔަތު ދިރުވާއި ކުރިއެރުވުމުގެ ގަދަ އޮއިވަރެއް، ލޯރެންސްގެ މަދަދާއި އެހީގައި ހިނގައި ގަތެވެ. މިހުރިހާ ކަމެއް ހިންގީ، އިނގިރޭސިން އަޑީގައި ތިބެގެންނެވެ. ވަރަށް ބުއްދިވެރިކަމާ އެކު އެމުޖްތަމަޢަކާ ގުޅޭގޮތުގެ މަތިން ރާވައިގެން ނެވެ.
ބޮޑު ހަނގުރާމައިގެ މާކުރިން ވެސް މައްކާ ޝަރީފް ޙުސައިން، ޢުޘްމާނީ ޚިލާފަތާ ވަކިވުމުގެ ޚިޔާލު، އިނގިރޭސިން ނަށް ހުށަހެޅުއްވި ކަމުގެ ހެކިތައް މިހާރު، އިނގިރޭސި ޢަރުޝީފުގައި ފެންނަން އެބަހުއްޓެވެ. އޭރު އެދުވަސް ވަރު، އިނގިރޭސިންގެ މާބޮޑު އެދުމެއް ނެތުމުން އެކަމާ އަޅާނުލައި މަޑުން ތިބެފައި، ބޮޑު ހަނގުރާމަ ފެށުމުން، ޚިލާފަތާ ދެކޮޅަށް ޢަރަބި ޝާހީ ޢާއިލާގެ ޒުވާނުން ސިޔާސީގޮތުން ހަރަކާތްތެރި ކުރުވައި، ޢަރަބި ހަނގުރާމައެއް، އިސްލާމީ ޚިލާފަތުގެ ތެރޭގައި، ލޯރެންސް ލައްވާ ރާވައިގެން އަމަލީގޮތުން ފެއްޓުވީއެވެ. ޢަރަބިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ ދުނިޔެއަށް މަޝްހޫރު، ޓީ.އޯ ލޯރެންސްގެ ވާހަކަ ފަހުން ގެންނާނަމެވެ. إن شاء الله!
އާދެ! އެދުވަސްވަރު ނަޖްދުކަރާގައި ހަމަ އިނގިރޭސިންގެ ރުހުމާއި މަދަދާއެކު، ޢަބްދުލް ޢަޒީޒު އާލުސުޢޫދު ގެ ދަރިކޮޅާއި ޙިޖާޒުކަރައިގެ ރަސްގެފާނު ޙުސައިން ބިން ޢަލީ ގެ ދަރިކޮޅައި ދެމެދު، ސިޔާސީ ހަމަނުޖެހުން ތަކެއް މެދުވެރިވެ މައްސަލަތަކެއް ހިލިގެން ދިޔައެވެ. މިކަމުގެ އަޑީގައި ވެސް ފޮރުވިގެން ތިބީ، ފަރަންޖީ އިނގިރޭސިންނެވެ.
އެއްފަހަރައި ޙިޖާޒު ކަރައިގެ ވެރިންނާއި ނަޖްދުކަރައިގެ ވެރިންނާ އެކު ޑަބްލް ޑީލްތައް ސިއްރުން ހަދަމުން ގެންދިޔައެވެ. އަދި މިދެފަރާތައި ދެމެދު ހަނގުރާމަ ކުރެވި، ޙިޖާޒުކަރައިގެ ޖިއްދާއާއި މައްކާ އާއި މަދީނާ، އާލުސުޢޫދުގެ ޢަސްކަރީ ލަޝްކަރުގެ ދަށަށް، 1932 ގައި ވެއްޓިގެން ދިޔައީ އެވެ.
އެތެރޭގެ ދާޚިލީ ހަނގުރާމަ ފެށި، ޙަމަލާތައް ގަދަވުމުން، 1924 ގައި ދަރިކަލުން، ޢަލި ބިން ޙުސައިން އައި، ޙިޖާޒުކަރައިގެ ރަސްކަން ހަވާލުކުރެއް ވުމަށް ފަހު، މައްކާ ޝަރީފް ޙުސައިން ފުރާ ވަޑައިގަތީ، ޤުބްރުޞް (CYPRUS) އަށެވެ. ދެން ފަހުން ވަޑައިގަތީ، އަނެއް ދަރިކަލުން، ޢަބްދުﷲ އެކެއް ބިން ޙުސައިން ރަސްކަމުގައި ހުންނެވި، ޓްރާންސް ޖޯރޑަންގެ ވެރިރަށް އައްމާން އަށެވެ.
ފަހެ، އަވަހާރަވީ ޖޯރޑަންގެ ވެރިރަށް އަންމާނުގައެވެ. އަދި ފަސްދާނު ލެވުނީ، 1931 ގައި ޤުދުސް ގައެވެ. މިގިތަށް ހަދަންޖެހުނީ، ސައޫދުއާއލާއިން މައްކާގައި ފަސްދާނުލުމަށް ނުރުހުނީމައެވެ.
ފަހެ، އިނގިރޭސިންގެ ނުލަފާ ރޭވުމުގެ ދަށުން އަބަދުވެސް ހަނގުރާމަ ކުރަން މިޖެހެނީ މުސްލިމުން ނާއި މުސްލިމުން ނެވެ. އެމީހުން ހަތިޔާރާއި ފައިސާ ދީފައި މަންޒަރުބަލަން ތިބެނީއެވެ. އިސްލާމީ ޚިލާފަތާއި މައްކާ ޝަރީފްއައި ހަނގުރާމަ ކުރުވާއި އާލު ސުޢޫދާއި މައްކާގެ ޝަރީފް ޢާއިލާއައި ދެމެދު ވެސް ހަނގުރާމަ ކުރުވައި އިސްލާމީ އުންމަތް ބައިބައި ކޮށްލީ މިބީދައިން އިނގިރޭސިން އަޑީގައި ތިބެގެންނެވެ. މިހާރުވެސް ސިޔާސީކަންކަން ޑީޕު-ސްޓޭޓުން ރާވައިގެން ކުރަމުން ގެންދަނީ ހަމަ މިބީގައަށެވެ. އޭޖެންޓުން ހޯދައިގެން އެތެއިން ކުޅެގެންނެވެ!
މައްކާ ޝަރީފްގެ ތިން ބޭފުޅުން:
އެކެއް، ޢަލީ ބިން ޙުސައިން:
މައްކާ ޝަރީފްގެ ދޮށީ ދަރިކަލުން ނަކީ، ޢަލީ ބިން ޙުސައިން (ALI BIN HUSSEIN, FEB 1882 – 20 JUL 1951) އެވެ. މިބޭފުޅާގެ ބައްޕާފުޅަށް ފަހު، މިބޭފުޅާ، 3 އޮކްޓޯބަރ 1924 އިން ފެށިގެން، 19 ޑިސެންބަރ 1925 އައި ހަމައަށް މައްކާ ޝަރީފް ކަމާއި ޙިޖާޒުކަރައިގެ ރަސްކަން ކުރެއްވިއެވެ.

ޢަލީ ބިން ޙުސައިން އަކީ ބައްޕާފުޅަށް ފަހު، މުޅިޙިޖާޒުގެ ރަސްގެފާނެވެ. ބައްޕާފުޅުގެ ފަރާތްޕުޅުން އިސްލާމީ އުންމަތުގެ ރަސްގެފާނަށް ވާތީވެ، އިސްލާމީ ޚިލާފަތަށް ނިސްބަތްކޮށް އަމިއްލަފުޅަށް ޚަލީފާ ކަމުގެ ދަރަޖަ ދުވަސްކޮޅެއް ވަންދެން ލިބިގަނެގެން ގެންގުޅުއްވިއެވެ.
އެހެނަސް އެލަޤަބުވެގެން ދިޔައީ ހުސް ނަންފުޅަކަށެވެ. އެހެންކަމެއް ނެތެވެ. ބަލައިގަނެ ރުހުނު ފަރާތެއް ނެތެވެ. އެކަމާއަޅާލާނެ ފަރާތެއް ނުވިއެވެ.
ފަހެ، މާގިނަ އަހަރުތަކެއްނުވެ ޙިޖާޒުކަރަ، އާލުސުޢޫދުގެ ދަށަށް އެކުގައި ވެއްޓި، ސަޢޫދީ ޢަރަބިއްޔާ އުފެދުމުން، ޢަލީ ބިން ޙުސައިން އާއި ޢާއިލާ އެކުގައި ކޮއްކޯފުޅު ރަސްކަމުގައި ހުންނެވި ކަރަ ކަމުގައިވާ، ޢިރާޤަށް ވަޑައިގަތީއެވެ. ހަގީގަތުގައި ފުރުވާލެވުނީއެވެ. ރަސްމީކޮށް އަލްމަމްލަކަތުލް ޢަރަބިއްޔަތުލް ސަޢޫދިޔާ އުފެދުނީ، 23 ސެޕްޓެންބަރ 1932 ގައި ޙިޖާޒުކަރައާއި ނަޖްދުކަރަ އިއްތިހާދުވެ ގުޅިގެންނެވެ. ފައުންޑަރަކީ، ޢަބްދުލް ޢަޒީޒު އާލްސުޢޫދް (15 JAN 1876 – 9 NOV 1953) އެވެ. އެބޭފުޅާ މަޝްހޫރު ވެފައި ވަނީ، އިބްނު ސަޢޫދުގެ ނަމުންނެވެ.
އާދެ! ޢަލީ ބިން ޙުސައިން އަވަހާރަވީ، ޢިރާޤްގެ ބަޣްދާދު ގައެވެ. އޭރު ޢިރާޤްގެ ރަސްކަލަކީ، ޢަލީ ބިން ޙުސައިންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ފައިޞަލް ބިން ޙުސައިން އެވެ. ޢަލީ ބިން ޙުސައިން ދުނިޔެ ދޫކުރެއްވީ، އެއްދަރި ކަލަކާއި ހަތަރު ދަރިކަނބަލުން ދުނިޔެއަށް ދޫކުރައްވާ ފައެވެ.
ދޭއް، ޢަބްދުﷲ ބިން ޙުސައިން:
މައްކާ ޝަރީފް ޙުސައިންގެ ދެވަނަ ދަރިކަލަކީ، ޢަބްދުﷲ އެކެއް ބިން ޙުސައިން (ABDULLAH 1 BIN HUSSEIN, FEB 1882 – 20 JUL 1951) އެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ޢަބްދުﷲ އެކެއް އަށް އިނގިރޭސިން ދިނީ، ޓްރާންސް ޖޯރޑަން އެވެ. އެއީ ޢުރުދަން އެވެ.

ޢަބްދުﷲ އެކެއް އަކީ، ފުރަތަމަ ކިންގް އޮފް ޖޯރޑަން އެވެ. ޢަބްދުﷲ އަކީ، އޭނާގެ ބައްޕާފުޅު މައްކާ ޝަރީފްއާއި މިޞްރުގައި ހުންނެވި އިނގިރޭސި ސަފީރު، ސަރ މެކްމަހޮން އައި ރައްޓެހިކޮށް ރަހްމަތްތެރިކަމުގެ ގުޅުން ގުޅުވައިދިން މެދުވެރި އެއްގެބައި އެންމެ ބޮޑަށް ކުޅެދެއްވި ބޭފުޅާއެވެ.
އަދި އިނގިރޭސި ގޮރެއްލާ ހަނގުރާމަ ވެރިއެއް ކަމުގައިވާ، ޓީއީ ލޯރެންސް އާ އެކު، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ކުރެވުނު ޢަރަބި ހަނގުރާމައިގާ އެންމެ އިސްކޮށް އަމަލީގޮތުން އުޅުއްވި ރަސްގެފާނެވެ. ފަހެ، މިޢަބްދުﷲ އަކީ، އިނގިރޭސިން ސޫރިޔާގެ ބިމުން، ބައެއްނަގާފައި ޓްރާންސް ޖޯރޑަން އުފެއްދުމަށް ފަހު، 1921 އިން ފެށިގެން، 1941 އަށް ރަސްކަމުގައި ވެޑުވި ރަސްކަލެވެ.
ޖޯރޑަން، އާދެ މިހާރުގެ އުރުދަން އިނގިރޭސިންގެ ގޮނޑިކޮއްކޮ އަކަށް ވެގެން ދިޔައީ މިހާ ހިސާބުންނެވެ. އެބިމަކީ މިދަރިކޮޅަށް އިނގިރޭސިން ކަނޑާ ނަގައިދީފައިވާ ބިންކޮޅެކެވެ. އާދެ! މުޅިން އާރަށެއް ޖޯރޑަންގެ ނަމުން ނަން ކިޔާފައި އަބްދުﷲ އަށް އުފައްދައި ދިން ދައުލަތެކެވެ. މިރަށަށް ފުރަތަމަ ކިޔުނު ނަމަކީ، ޓްރާންސް ޖޯޑަން (TRANCE JORDEN) އެވެ. ޓްރާންސް ޖޯރޑަންގެ ވާހަކަ ފަހުން ގެނެސްދޭ ނަމެވެ. إن شاءالله!
އަދި، ހާޝިމީ ކިންގްޑޮމް އޮފް ޖޯރޑަން (HASHEMITE KINGDOM OF JORDAN) އުފެދުމަށް ފަހު ވެސް، 1946 އިން ފެށިގެން، 1951 އަށް ރަސްކަން ކުރެއްވީ ވެސް، މިޢަބްދުﷲ އެކެއް އެވެ. ޢަބްދުﷲ އެކެއް އަވަހާރަވީ، 20 ޖުލައި 1951 ގައި، ޢުމުރު ފުޅުން، 69 އަހަރު ގައި ޤުދުސްގެ މަސްޖިދުލް އަޤްޞާއަށް އަށް ކުރެއްވި ޒިޔާރަތެއް ގައި ފަލަސްޠީނު މީހެއް ފޮނުވާލި ވަޒަނެއް އަރައި ގެންނެވެ.
މިސްކިތަށް ހުކުރަށް ވަޑައިގެންނެވި މަގުމަތީގައެވެ. ޢަބްދުﷲ ގެ ކާފަ ދަރިކަލުން، ޒުވާން ޙުސައިން ބިން ޠޮލާލް އެދުވަހު އަރިހުގައި ހުންނެވިއެވެ. އެހެނަސް، 15 އަހަރުގެ ޙުސައިން ބިން ޠޮލާލް އަވަހާރަ ނުވެ ސަލާމަތްވީ، ކާފަ ހަދިޔާއަކަށް ދެއްވާފައިވާ ރަނުގެ މެޑަލްއެއް މޭމަތިގައި ޖަހާފައި އިންދައި އެމެޑަލްގައި ވަޒަނެއް ޖެހި، ހަށިގަނޑަށް ނޭރުމުންނެވެ.
ޢަބްދުﷲގެ ދަރިކަލުން، ޠޮލާލް އަށް ފަހު، ޖޯރޑަންގެ ވެރިކަން ކުރެއްވީ، މިދެންނެވި ޙުސައިން ރަސްގެފާނެވެ. މިއީ އިނގިރޭސިން ނާއި ވަރަށް ދޯޅު، އަދި އެހާމެ މަޝްހޫރު ރަސްކަލެކެވެ. ޢަބްދުﷲ އެކެއް އަވަހާރަކޮށް ލުމަށް، ފަލަސްޠީނު ޤާތިލް ކަލޭގެ ނިޔަތްގަތީ، ޢަބްދުﷲ އެކެއް ރަސްގެފާނު އިޒްރޭލާއެކު އެއްބަސްވުމެއް ހަދާފާނެ ކަމުގެ އަޑުތަކެއް ފެތުރިފައި އޮތުމުގެ ސަބަބުން އެކަން ވިޔަނުދިނުމުގެ ބޭނުމުގަ ކަމަށް ބުނެވެއެވެ.
ތިނެއް، ފައިޞަލް ބިން ޙުސައިން:
މައްކާ ޝަރީފް ޙުސައިންގެ ތިންވަނަ، އަދި އެންމެ ހަގު ދަރިކަލުން ނަކީ، ފައިޞަލް ބިން ޙުސައިން ބިން ޢަލީ އަލްހާޝިމީ (FAISAL BIN HUSSEIN BIN ALI AL-HASHIMI, 20 MAY 1885 – 8 SEP 1933) އެވެ. ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސިން، ފައިޞަލް ބިން ޙުސައިން ފުރަތަމަ ބެހެއްޓީ، ޢަރަބި ކިންގްޑޮމް އޮފް ސޫރިޔާގެ ރަސްކަމުގައެވެ. މިއީ، 8 މާޗް 1920 އިން ފެށިގެން، 8 ޖުލައި 1920 އައި ހަމައަށެވެ.

އެއީ އިނގިރޭސިން ގްރޭޓަރ ސޫރިޔާގެ ހުވަފެން ދެއްކި ދުވަސްވަރެވެ. އެހެނަސް ކުޑަ ދުވަސްކޮޅަކަށް ފަހު، މިކަން ބަދަލުވެގެން ގޮސް، ޢިރާޤްގެ ރަސްކަލަކަށް، 23 އޯގަސްޓް 1921 އިން ފެށިގެން، އިނގިރޭސިން ވެޑުވީއެވެ. މިގޮތުގެ މަތިން، 8 ސެޕްޓެންބަރ 1933 އައި ހަމައަށް، ޢިރާޤްގެ ރަސްކަމުގައި ފައިޞަލް ބިން ހުސައިން ހުންނެވިއެވެ.
އާދެ! މިއީ ބަނޫހާޝިމް ވަންހައަށް ނިސްބަތްވާ ބޭފުޅުންނެވެ. ބަނޫ ހާޝިމްގެ ދަރިފަސްކޮޅު ފެށިފައި ވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުނިކާފާފުޅު، ހާޝިމް އައި ހަމައިންނެވެ. ފަހެ، ފައިޞަލް ބިން ޙުސައިން އުފަންވީ، މައްކާ ގައެވެ. ބޮޑުފުޅުވީ، ޤުސްޠުންޠޫނިޔާ (CONSTANTINPOLE) ގައެވެ. އެއީ މިހާރުގެ އިސްޠަންބޫލް އެވެ. ބައްޕާފުޅު (ޙުސައިން ބިން ޢަލީގެ) އަރިހުން، ލީޑަރޝިޕްގެ ހުނަރާއި ފަންނުތައް އުނގެނި ވަޑައިގަތެވެ. އަދި، 1913 ގައި ޖިއްދާ ސިޓީގެ ފަރާތުން، ޢުޘްމާނީ ޚިލާފަތުގެ ޕާލިމަންޓުގެ މެންބަރަކަށް ހޮވިވަދައި ގަތެވެ.
ފައިޞަލްއަކީ، މައްކާ ޝަރީފް ޙުސައިން ބިން ޢަލީގެ ދަރިކަލުންގެ ތެރެއިން، ޓިއީ ލޯރެންސް އައި އެންމެ ގާތްގުޅުމެއް ބޭއްވި ބޭފުޅާއެވެ. 1916 ގައި ޤުސްޠުންޠޫނިޔާގެ މިޝަނެއްގައި ދެފަހަރެއްގެ މަތިން، ދަމިސްޤް (DAMASCUS) އަށް ވަޑައިގެންނެވި އެވެ. އަދި ޓިއީ ލޯރެންސްގެ އެހީގައި ޢަރަބި ޤައުމިއްޔަތު އާއި ވަޠޮނިއްޔަތު ދިރުވުމުގެ ޖަމްޢިއްޔާ އެއް ކަމުގައިވާ ޖަމްޢިއްޔަތުލް ޢަރަބިއްޔަތުލް ފަތާތު (AL-FATAT, THE YOUNG ARAB SOCIETY) ގެ އިސްވެރިންނައި ބައްދަލު ކުރެއްވިއެވެ.
އޭރު އަލްފަތާތުގެ ސެކްޓެރަރީ ޖެނެރަލް އަކީ، މުޙައްމަދު ޢިއްޒަތު ދަރޫޒާ (1888 – 1984) އެވެ. އަލްފަތާތު އަކީ، 1911 ގައި ފްރާންސް ގެ ޕެރިސްގައި ޢަރަބި ޒުވާނުންތަކެއް އިސްވެ ތިބެގެން، ޢުޘްމާނީ ޚިލާފަތުގެ ތެރޭގައި ޤައުމިއްޔަތް އާއި ވަޠޮނިއްޔަތު ދިރުވުމަށް، އުފެއްދި ސިއްރު ޖަމާޢަތެކެވެ.
ހަރަކާތްތެރި ވަމުން ދިޔައީ ސޫރިޔާގައެވެ. މަޤްޞަދަކީ، ޢުޘްމާނީ ޚިލާފަތު ބަލިކަށި ކުރުމެވެ. އަދި އެގޮތުން ކުރަންޖެހޭ ސިޔާސީ ކަންކަން ރާވައި ހިންގުމެވެ. ފައިޞަލް އައި ފުރަތަމަ، ޓީ.އީ ލޯރެންސް އައި ބައްދަލުވުން ހިނގީ ސޫރިޔާގެ އަލްޙަމްރާ (ALHAMRA) ގައެވެ. އޭރުވެސް ލޯރެންސް އަކީ، އިނގިރޭސި ޢަސްކަރިއްޔާގެ ޖާސޫސީ އޮފިސަރެކެވެ.
ބޮޑު ހަނގުރާމަ އަށް ފަހު، މިނިވަން ޢަރަބި ސްޓޭޓެއް އުފެއްދުމުގެ އުންމީދުތަކާއި ވިޝަން އޮތް މީހެކެވެ. މިބައްދަލު ވުމަށް ފަހު މީނާއަކީ، ފައިޞަލްގެ ވަރަށްގާތް ރަހްމަތްތެރި އެކެވެ.އަދި ފައިޞަލް ބައްޕަ ޙުސައިން ބިން ޢަލީގެ ވެސް މާ އަރިސް މީހެކެވެ.
ފައިޞަލް އަކީ، ބޮޑު ހަނގުރާމަ އަށް ފަހު، ބިންތައް ބަހާއި ވަޢުދުތަކާއި އެއްބަސްވުންތައް ތަންފީޒު ކުރުމަށް، 1919 ގައި ފެރިހުގައި ބޭއްވުނު ޕީސް ކޮންފަރެންސް އަށް ދިޔަ ޢަރަބި ވަފުދުގެ އިސް ވެރިޔާއެވެ. މި ކޮންފަރެންސް އަށް، ފައިޞަލް އަރިހުގައި ޓީ.އީ ލޯރެންސް ވެސް ގެންދެވިއެވެ. ބިންތައް ބެހުމާއި ވަޢްދުތައް ފުއްދުމުގެ ހުރިހާކަމެއް ރާވައި ހިންގީ މިކޮންފަރެންސް ގައެވެ.
އާދެ! ޢިރާޤްގެ ރަސްކަމުގައި ހުންނަވާފައި، ފައިޞަލް ރަސްގެފާނު އަވަހާރަވީ، 8 ސެޕްޓެންބަރ 1933 ގައި ޢުމުރުފުޅުން، 48 އަހަރުގައި ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރން (BERN) ގައެވެ. ބުނެވެނީ ހިތްފެއިލް ވެގެން ކަމަށެވެ. ވަޑައިގަތީ އާންމު މެޑިކަލް ޗެކެއް ހެއްދެވުމަށެވެ.
އަވަހާރަވީ އިރު، ތިން އަންހެން ދަރިކަލުންނާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި ތިއްބެވިއެވެ. ފިރިހެން ބޭފުޅާ އަކީ، ޣާޒީ ބިން ފައިޞަލް އެވެ. ފައިޞަލް އަށް ފަހު، ޢިރާޤްގެ ރަސްކަން ކުރެއްވީ ޣާޒީ އެވެ. މައްކާ ޝަރީފްގެ ތިން ދަރިކަލުންނަކީ ވެސް ރަސްކަން ކުރެއްވި ރަސްކަލުން ނެވެ.
އިނގިރޭސިން ނަށް މިޢާއިލާ ބަލެހެއްޓުން ވަނީ، ބަލަދު އަރާފައެވެ. އެހެންވެ މިބިންތަކުގެ ރަސްކަންތައް އެބޭފުޅުންނައި ހަވާލު ކުރަން ޖެހުނީއެވެ. ހަގީގަތުގައި ވެފައި ހުރި ވައުދުތަކާއި އޮތްގުޅުމުން މަޖުބޫރުވީއެވެ. ބޮޑު ހަނގުރާމަ އަށް ފަހު، ޢަލީ ބިން ޙުސައިން އަކީ، ޙިޖާޒުގެ ރަސްގެފާނެވެ. ޢަބްދުﷲ ބިން ޙުސައިން އަކީ، ޖޯރޑަންގެ ރަސްގެ ފާނެވެ. އަދި ޙުސައިން ބިން ޢަލީގެ ހަގުދަރިކަލުން، ފައިޞަލް ބިން ޙުސައިން އަކީ، ޢިރާޤްގެ ރަސްގެފާނެވެ.
އިނގިރޭސިން މިކަން މިގޮތަށް ކުރީ، ޤުދުސް ޒައޮނިސްޓު (ސަހުޔޫނީ) ޔަހޫދީންނަށް ހިބަކޮށް ދިނުމުގެ ބަދަލުގެ ގޮތުން، މައްކާ ޝަރީފް ޙުސައިން ބިން ޢަލީގެ ޢައިލާ ވަޢުދުތަކައި އެއްގޮތަށް ރުއްސާއި އުފާކުރުމަށެވެ. މިކަންކުރީ، މައްކާޝަރީފް ޙުސައިން ބިން ޢަލީ އާއެކު، އިނގިރޭސިން ވެފައިވާ ވަޢްދުތަކުން ބައެއް ނަމަވެސް ފުއްދައި ދިނުމުގެ މަތިވެރި ބޭނުމުގައެވެ. ދެން، އަޅުގަނޑު ޖެހިލާނީ އިނގިރޭސިންގެ ނުރައްކާތެރި ޖާސޫސް، ޓީއީ ލޯރެންސް އައި ދިމާއަށެވެ.
ޓީ.އީ ލޯރެންސް:
ޓީ.އީ ލޯރެންސް ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، ” ލޯރެންސް އޮފް އެރޭބިޔާ ” ގެ ނަމުންނެވެ. ފުރިހަމަ ނަމަކީ، ތޯމަސް އެޑްވަރޑް ރޯލެންސް (THOMAS EDWARD LAWRENCE, 16 AUG 1888 – 19 MAY 1935) އެވެ.

މީނާއަކީ، އިނގިރޭސި ޢަސްކަރީ އޮފިސަރެކެވެ. އިނގިރޭސިން ގާތުގައި މީނާގެ މަޤްބޫލުކަން އިތުރުވެފައި ވަނީ، ސީނާ އަދި ފަލަސްޠީން ކެންޕޭން ގައި ޢަރަބި ލަޝްކަރުތަކާ އެކުގައި ގުޅިގެން ކުރެވުނު ހަނގުރާމަ ތަކުގައެވެ.
ޢުޘްމާނީ ޚިލާފަތުގެ ދަށުގައި މުސްލިމުން ވެރިކަން ކުރަމުން ގެންދިޔަ ރައްތައް ހިފުމަށް ކުރެވުނު، މުޑުދާރު އަދި ވަޙުޝީ ހަނގުރާމައިގެ ތެރެއިންނެވެ. ޚާއްޞަކޮށް ޢުޘްނާމީ ޚިލާފަތް އައި ދެކޮޅަށް، އިނގިރޭސިން އަޑީގައި ތިބެގެން ޢަރަބި ލަޝްކަރުތައް ލައްވައި ހިންގުވި، ޢަރަބި ހަނގުރާމަ ތަކުގެ ތެރެއިންނެވެ. މިކަންތައްގަނޑު ހިނގައި ދިޔައީ، 1916 އިން ފެށިގެން، 1918 އައި ދެމެދުގައެވެ.
އާދެ! ޢުޘްނާމީ ޚިލާފަތް އައި ދެކޮޅަށް ޢަރަބިން ކުރި ހުރިހާ ހަނގުރާމަތައް ރާވާއިދީ ހިންގުމުގައި މައްކާ ޝަރީފް ޙުސައިންގެ ދެބޭން ކަމުގައިވާ، ފައިޞަލް އާއި އަބްދުﷲ އެކެއް އަށް މަދަދާއި އެހީތެރިކަންދީ ޢަމަލީގޮތުން ޓީ.އީ ލޯރެންސް ހަނގުރާމަ ތަކުގައި ބައިވެރިވި އެވެ. އިނގިރޭސި ލަޝްކަރުގެ ފުރިހަމަ އެހީތެރިކަމާ އެކު، މި ހަނގުރާމަތައް ކުރިޔަށް ގެންގޮސް ޚިލާފަތުގެ ދަށުގައި ހުރި ހުރިހާ ބިންތަކެއް ހިފީއެވެ. އެބިންތަކަށް ވެރިވެގަތީއެވެ. 1917 ގައި ޢަޤަބާ ހިފުމުގައި ޢަރަބި ލަޝްކަރުގެ އިސް ގޮރިއްލާ ލީޑަރަކަށް ހުރީ ޚުދު ޓީ.އީ ލޯރެންސް އެވެ.
ޢަރަބި ލަޝްކަރުތަކަށް،ޖެނެރަލް އެލަންބީގެ ލަޝްކަރު ތަކުގެ އެހީ ބަރާބަރަށް ލިބެމުން ދިޔައެވެ. އަލްޢަޤަބާ އަކީ، ރެޑްސީގެ އައްސޭރީގައި އޮންނަ ރަށެކެވެ. އެއީ މިހާރު ޖޯރޑަންގެ އައްސޭރި ރަށެވެ. އަދި ވެސް އިތުރު ރައްތައް މިލަޝްކަރުން ހިފަމުން ގެންދިޔައެވެ. ޢަޤަބާ ހިފުމާ އެކު، ކިންގުޑޮމް އޮފް ޙިޖާޒުގެ ބަޔަކަށް ހަދައި އެރަސްކަމުގެ ދަށަށް އެބައި ގެނައެވެ. އަދި ފަހުން ޓްރާންސް ޖޯރޑަން އުފެއްދީ އެބިމުގަ އެވެ.
އާދެ! ޓީ.އީ ލޯރެންސް އަކީ ޤާނޫނީ ކައިވެންޔަކުން ލިބުނު ދަރިއެއް ނޫނެވެ. ވިހެއީ އިނގިރޭސި ވިލާތުގެ ވޭލްސް (WALES) ގައެވެ. ލޯރެންސް ލިބުނު ދެމަފިރިން، އެމީހުންނަށް އެޑްރެސް ކުރުމުގައި ބޭނުންކުރަނީ، މިސްޓަރ އެންޑް މިސިޒް ލޯރެންސް އެވެ. މީނާގެ ބައްޕައާއި މަންމައަކީ ވެސް އެދެމީހުންގެ މައިން ހޯދާފައިވާ ނާޖާއިޒު، އަދި ކައިވެނީގެ ބޭރުން ލިބިފައިވާ ދެދަރިންނެވެ. މީނާގެ ބައްޕައަކީ ގޭގައި ގެންގުޅުނު އަންހެނަކައި ނާޖާއިޒު ގުޅުން ބާއްވި މީހެކެވެ.
އެކަން ފަޅާއަރައިގެން އޭނާގެ އޭރުގެ އަންހެނުން އެ އަންހެންކުއްޖާ ގެއިން ނެރެލިއެވެ. ދެން މީނާ ހެދި ގޮތަކީ ގެދޫކޮށް ފިލައިގެންގޮސް އެ އަންކުއްޖާ އާ އެކު އިގިރޭސިވިލާތުގެ އެހެންތާކު ދިރިއުޅެން ފެށީއެވެ. އެދިރިއުޅުމުގައި މިދެމީހުންނަށް ނާޒާއިޒު ފަސް ދަރިން ލިބުނެވެ. ލޯރަންސްއަކީ އެފަސްދަރިންގެ ތެރެއިން އެއްދަރިފުޅެވެ. ބައްޕައާއި ބައްޕަގެ ރަހުމަތްރެރި އެކުވެރި އަންހެނާގެ ދިރިއުޅުމުގެ ވާހަކަތަކުން މިކުދިންނަކީ ނާޒާއިޒު ދަރިންކަން ވަނީ ލޯރަންސަށް އަޑުއިވި އަސަރުކޮށްފައެވެ.
މިކަމުން އުފެދުނު ނަފުސާނީ އުދާސްތަގެ ސަބަބުން ޒުވާން ލޯރެންސް ގިނަވަގުތު ގެއިންބޭރުގައި ހޭދަކުރަން ޖެހުނެވެ. ނަތީޖާއަކަށްވީ އެއްޖިންސުން އެކުވެރިއެއް ހޯދާއި މަޖަލާއިއުފާ ލިބިގަންނަން ފެށުމެވެ. އާދެ، 1896 ގައި އޮކްސްފޯރޑް (OXFORD) އަށް، މިޢާއިލާގެ ދިރިއުޅުން ބަދަލު ކުރިއެވެ. އަދި، 1907 އިން ފެށިގެން، 1910 އަށް ޖީސަސް ކޮލެޖުން، ތާރީޚްގެ ޢިލްމު އުނގެނި ފަސްޓްކްލާސް ހޮނާސް އިން ލޯރަންސް ފާސްވިއެވެ.
އާދެ! މެދުއިރިމަތިން، އެޅުނު މި އަލިފާންދަނޑިން މިހާރު މި ގެންދަނީ މުޅިދުނިޔެ އަންދަމުންނެވެ. ފުރަތަމަ އަލިފާންކަނި އެޅުމަށް އިނގިރޭސިން ބޭނުންކުރި ފަރާތަކީ މިލޯރެންސެވެ. މީނާއަކީ މީނާގެ އިނގިލި ކުރީގައި އަރަބި ޒައީމުން ބަރަހަނާކޮށް ނައްޓުވާލި ކުޅަދާނަ ގާބިލުކަންހުރި މީހަކަށްވިއެވެ. ކިޔެވި ދުވަސް ވަރުގައި މީނާއަކީ ސިކުނޑިތޫނު ކުޅަދާނަ ކުއްޖެކެވެ. އެހިސާބުން ފެށިގެން މީނާ ވަނީ ސިއްރު އިދާރާތަކުގެ ސަމާލުކަމަށް ހޮވި ގެނެވިފައެވެ.
އެހިސާބުން މީނާލައްވާ އިދާރީ އެކި މަސައްކަތްތައް ކުރުވަމުން ގެންދިޔައެވެ. އަރަބީންގެ މެދުގައި ހުރި އަޚުލާގީ ރަނގަޅު ކަންކަމާއި އެމީހުން ފަސޭހައިން ހައްދާ ލެވޭނެ ކަންކަން ދިރާސާކުރުމުގެ މައްޗަށް އެކި ކަރުދާސްތައް ލިޔުވާ ހެއްދިއެވެ. އެކަމުގެ ތެރޭގައި މީނާއަކީ ތާރީޚަށް ލޯބިކިރާ މީހަކަށްވިއެވެ. އަދި ސަގާފަތްތައް ހިތުންރުހިގެން މުތާލައާކޮށް ދިރާސާކުރާ މީހަކަށްވެގެން ދިޔައެވެ.
އެއަށް ފަހު، މިޑުލްއީސްޓްގެ އާކިއޮލޮޖިސްޓް އެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާއި އިނގިރޭސި ވިލާތުގެ ބައެއް މަޝްހޫރު ތާރީޚީ ޢިލްމުވެރިންނާ އެކު، މެދުއިރުމަތީ ގައި އެކިއެކިއާސާރީ ކޮނުން ތަކުގައި ޢަމަލީގޮތުން ބައިވެރިވިއެވެ. 1908 ގައި އޮކްސްފޯރޑް ޔުނިވަރސިޓީން އޮފިސަރ ޓްރޭނިންގް ކޮޕްސް، މިކޯސް ދެއަހަރު ވަންދެން ހެދިއެވެ.
މިއީ މިލިޓްރީ ތެރެއަށް ވެއްދުމުގެ ބޭނުމުގައި މީނާ ލައްވާ ކުރުވި ކަމެކެވެ. އަދި މިއީ މެދުއިރުމައްޗަށް އިނގިރޭސިންގެ ޖާސޫސެއްގެ ގޮތުގައި ފޮނުވުމަށް ތައްޔާރު ކުރުމަށް ރާވައިގެން ހިންގުނު އަސާސީ ބިންގަލުގެ ކަންތަކެވެ.
އެއަށް ފަހު، 1914 ގައި ބޮޑު ހަނގުރާމަ ފެށުމުން އިނގިރޭސި ޢަސްކަރީ އޮފިސަރެއްގެ ގޮތުގައި މެދުއިރުމަތީ ގައި ވަރަށް ޝައުޤުވެރިކަމާ އެކު މީނާ އަމަލީގޮތުން ހަރަކާތްތެރި ކުރުވިއެވެ. ފަލަސްޠީނުގެ އަލްނަޤަބް (NEGEV) ސަޙަރާގައި ކުރެވުނު ސާވޭތަކާއި ސިއްރު ރިސާޗްތަކެއް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވެ އުޅުނެވެ.
މިމަސައްކަތުގައި އުޅުމުގެ ތެރޭގައި ޢަރަބިންނައި ވަރަށް ގާތްގުޅުމެއް ލޯރެންސް އުފައްދާއި މައްކާ ޝަރީފް ޢާއިލާގެ ވަރަށްގާތް ރަޙްމަތްތެރި އަކަށް ވިއެވެ. އަދި އެ ޢާއިލާގެ ރަހްމަތްތެރި ކަމުގެ ބަދަހި ގުޅުމުން ލިބިގަނެ ޢަރަބިންގެ ލޯތްބާއި ކުލުނުހޯދީ އެވެ.
އާދެ! ލޯރެންސް އާއި މައްކާ ޝަރީފް ޙުސައިން އާއި ޙުސައިންގެ ތިންބެއިންނާއި ޢަރަބި ދުނިޔެއައި ގުޅުވައިގެން ލޯރެންސް މުޅި ދުނިޔެއަށް، މަޝްހޫރުކޮށް ނެރެދިނީ، އެމެރިކާގެ ފަތުރުވެރިއެއް ކަމުގައިވާ، ލޯވެލް ތޯމަސް (LOWELL THOMAS, 1892 – 1981) އެވެ. މި ފަތުރުވެރިޔާ ޙިޖާޒްކަރައަށް ކުރި ދަތުރެއްގައި ޢަރަބި ރަސްރަސްކަލުން ނާއި އަމީރުންނާ އެކު ގަނޑުވަރު ތެރޭގައި ދޮން އިނގިރޭސިއަކު، ބޮޑު ޢަރަބި ހެދުމެއް އަޅައިގެން ސިޔާސީ ކަންކަމުގައި ނަގާކިޔަން އުޅެމުންދާ ތަން ފެނުމުން، މީނާގެ ހިތަށް ކުރި އަސަރުތަކާއި އިޙްސާސް ތަކާ ހެދި، ލޯރެންސް އަށް “ލޯރެންސް އޮފް އެރޭބިއާ” ގެ ނަމުން ނަންދިނީ އެވެ.
އަދި ލޯރެންސް އާ ބެހޭގޮތުން ލިޔުންތައް ދުނިޔެއަށް އާންމުކުރީއެވެ. އަދި ފަހުން ލޯރެންސް އޮފް އެރޭބިއާގެ ނަމުގައި ސޭމް ކިޔާ މީހަކު ފިލްމެއް އުފައްދައި މަޝްހޫރުކަން ހޯދިއެވެ. މިދެންނެވި ސޭމް (SAM SPIEGEL, 1985 – 1901) އަކީ، އޮސްޓްރޭލިއާ އަށް އުފަން އެމެރިކާގެ ރައްޔިތެކެވެ. ވަރަށް މަޝްހޫރު ފިލްމުތައް އުފަންކުރި ފިލްމު ޕްރޮޑިއުސަރ އެކެވެ. “LAWERENCE OF ARABIA” މިފިލްމު އުފައްދައި މަޝްހޫރުކަން އިތުރަށް ހޯދިއެވެ.

މިފިލްމު ބަލާލުމުން އިތުރަށް މައްކާގެ އަމީރުންގެ މައްޗަށް ލޯރެންސްގެ ހުރި ގަދަކަމާއި ޢަރަބި ހަނގުރާމަ ތަކުގައި އެންމެ އިސްރޯލެއް ކުޅެދީ، ޙަމަލާތައް ދޭންވީ ތަންތަން ބުނެދީ، މުޅި ހަނގުރާމަ ލީޑްކޮށް ދިނީ ލޯރެންސް ކަން ވަރަށް ސާފުކޮށް އޮޅުންފިލާއި ފެނިގެން ދާނެއެވެ.
ލޯރެންސް ޢަރަބި ބަސް ކިޔަވާއި ދަސްކުރީ، 1910 ގައި ކަނޑުމަގުން ބައިރޫތަށް ގޮސް ބައިރޫތްގެ އައްސޭރި ރަށެއް ކަމުގައިވާ ޖުބައިލް (BYBLOS) އިންނެވެ. މީނާ އަރަބިބަސް ކިޔެވުމުގެ ތެރޭގައި އެސަރަހައްދުގެ އެކިގަބީލާތަކުން ވާހަކަދައްކާ ރާގާއި ގޮތްދަސްކުރިއެވެ. އެއަވަށެއްގައި އެއަވަށެއްގެ ރާގަށް ފަސޭހައިން ވާހަކަ ދެއްކުމުގެ ހުނަރު މީނާ ހޯދިއެވެ.
އަދި އެދުވަސްވަރު އިރުމަތީ ސޫރިޔާގައި ބައެއް އާސާރީ ކޮނުންތައް ކޮނުމުގައި އުޅުނު އިނގިރޭސި ޓީމްތަކާ އެކު، ބްރިޓިޝް މިއުޒިއަމް އަށް އަގުހުރި މަސައްކަތް ތަކެއް ކޮށްދިނެވެ. މީގެ ތެރޭގައި ގިނައީ ޖާސޫސީކަންތަކެވެ. ބޮޑު ހަނގުރާމަ ޢަމަލީ ގޮތުން ފެށެންދެން، މިކަހަލަ ތާރީޚީ މަސައްކަތްތަކުގައި ޝާމިލްވެގެން ޢަރަބިން ތެރޭގައި ގަދަޔަށް އުފަލާ އެކު ދިރިއުޅުމުން ގެންދިޔައެވެ. ބައިރޫތުގައި ހުރި ދުވަސް ވަރު ޢަރަބި ބަސް ފެންފަދައިން ހުރިހާ ބަހުރުވަ އާ އެކު ދަސްކުރިއެވެ.
އަދި، 1914 ޖެނުއަރީގައި ބްރިޓިޝް ޢަސްކަރިއްޔާ އައި ރަސްމީކޮށް ގުޅިގެން، ނަޤަބް ސަޙަރާގައި އިތުރު މަސައްކަތް ތަކެއް ކުރިއެވެ. އެއަށް ފަހު މާލަސްތަކެއް ނުވެ، 1914 އޮކްޓޯބަރ އައި ހަމައިން ޢަސްކަރިއްޔާ ރޭންކުތެރެއިން ޖެނެރަލުންގެ ލިސްޓަށް އެރިއެވެ. ފަހެ، އެހިސާބުން ޙަޤީޤީ މަސައްކަތް ކަމުގައިވާ ޢަރަބި ހަނގުރާމަތައް މައްކާ ޝަރީފްގެ ޢާއިލާ އައި ގުޅިގެން، އެ ރަސްގެފާނުގެ ލަޝްކަރުތައް ލީޑްކޮށް ދޭން ޢަމަލީ ގޮތުން ފެށީއެވެ. މިއީ އިނގިރޭސި ބާރުން، ލޯރެންސް އައި ހަވާލު ކޮށް ފައިވާ މުހިންމު، އަދި ޖާސޫސީ މަސައްކަތެކެވެ.
ޢަރަބި ހަނގުރާމަ ތަކުގައި ޢަމަލީ ގޮތުން، އިސްލާމީ ޚިލާފަތްގެ ލަޝްކަރުތަކައި ދެކޮޅަށް ފައިޞަލް ބިން ޙުސައިން އަރިހުގައި، ޢަރަބި ލަޝްކަރުތަކުގެ ލީޑަރަކަށް ހުރެގެން ކާމިޔާބު ހަނގުރާމަތަކެއް ކުރަމުން ގެންދިޔައެވެ. މައްކާ ޝަރީފް ޙުސައިންގެ ޢާއިލާ އައި މިހާ ގާތް ގުޅުމެއް ގައިމްކުރީ، އެޢާއިލާގެ އަމީރުންނަށް، ބޮޑު ޢަރަބި ދައުލަތެއްގެ ރަސްކަމާއި ބާރުތަކުގެ ދަޅަތައް ދައްކާއި ހުވަފެންތަކެއް ދައްކައި ގެންނެވެ. ވެރިކަމުގެ ހުވަފެނާއި ދަޅަތަކަކީ، ނަގުދު ފައިސާއާއި އެހެންހުރިހާ އެއްޗަކަށް ވުރެވެސް މާ ބާރުގަދަ ރިޝްވަތެކެވެ.
ޖާހާއި ބާރުގެ މި ރިޝްވަތުގެ މަޅީގައި ޢަރަބިން ޖެހި، ވެރިކަމުގެ ދަހިވެތިކަމުގައި ލޯރެންސް އާއި އިނގިރޭސިންނާ ގުޅިގެން އިސްލާމީ އުންމަތުގެ ދަށުގައި ހުރި އެތައް ޢަރަބި ބިންތަކެއް ކާމިޔާބު ކަމާއެކު ހިފީއެވެ. ފަހެ، ޢުޘްމާނީ ޚިލާފަތްގެ ދަށުން ޢަރަބި ބިންތައް ވެއްޓި، އިނގިރޭސިންގެ ބާރުގެ ދަށަށް ދިޔައީ އެވެ. މިހަނގުރާމަތައް ރާވާއި ޙަމަލާތައް އަމާޒު ކުރަންވީ ތަންތަން ނިންމާއި ބުނެދީ ކާމިޔާބު ހޯދުމުގެ މޭސްތިރިއަކީ، ލޯރެންސް އެވެ. ލޯރެންސް އަށް އިރުޝާދާއި ލަފާ އަންނަނީ، ފީލްޑްމާޝަލް އެލަންބީގެ ފަރާތުންނެވެ. އެލަންބީގެ އެހީތެރިކަމާ އެކު، ލޯރަންސްގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދިޔައެވެ. ކާމިޔާބު ހޯދަމުން ދިޔައެވެ.
އާދެ! މިޢަރަބި ހަނގުރާމަތައް، 1916 އިން ފެށިގެން، 1918 އަށް، ބޮޑު ހަނގުރާމަ ނިމެންދެން ވަރުގަދަކޮށް ކުރިޔަށް ގެންދިޔައެވެ. މިހަނގުރާމަ ތަކުގެ އިސް ވެރިންނަށް ތިއްބެވީ، މައްކާ ޝަރީފް ޙުސައިން ބިން ޢަލީ އައި އޭނާގެ ދަރިކަލުން ފައިޞަލް ބިން ޙުސއިން ބިން ޢަލީ އާއި ޖެނެރަލް އެލަންބީ އާއި ޖެނެރަލް ލޯރެންސް އާއި ޢަބްދުލް ޢަޒީޒް އާލް ސުޢޫދް އެވެ.

ޢަބްދުލް ޢަޒީޒް އާލްސުޢޫދް އާއެކު އިނގިރޭސިން ކުޅެމުން ގެންދިޔައީ މައްކާ ޝަރީފް އަށް އެނގުމެއް ނެތި، މުޅިން އެހެން ސިޔާސީ ކުޅިގަނޑެކެވެ. ބޮޑު ޖާސޫސްކަލޭގެ ލޯރެންސް އަށް، އިނގިރޭސިން ކުޅެމުން ގެންދާ ޑަބަލް އެޖެންޓް ކުޅިގަނޑު ރަނގަޅަށް އެނގޭނެއެވެ. މެދުވެރިވާ މޭސްތިރިއަކީ އޭނާއެވެ.
އެހެނަސް މައްކާ ޝަރީފްގެ ޢާއިލާއަށް މިއިން އެއްވެސް މަޢުލޫމާތެއް ނުދީ، ކެތްތެރި ކަމާ އެކު ސިއްރުކޮށްގެން ހުރި ހުރުމަކީ، ލޯރެންސްގެ ޖާސޫސީ މަސައްކަތުގެ ހުނަރުވެރިކަމާއި މޮޅުކަމެވެ. ކުޅަދާނަ ޗާލާކު ކަމެވެ. އަދި އެއީ، އޭނާގެ ވެރިން ކަމުގައިވާ އިނގިރޭސިބާރަށް އޭނާ ކިޔަމަން ވެގެން ހުރި މިންވަރާއި އޭނާއަށް އިނގިރޭސިން ކުރަމުން ދިޔަ އިތުބާރުގެ ބޮޑުކަން ހާމަކޮށްދީ، އަންގައިދިން އެންމެބޮޑު ކަންތަކެވެ.
އާދެ! ޢަރަބި ހަނގުރާމަވެރި ލަޝްކަރުން ހިފަމުން ދިޔަ، އިސްލާމީ ޚިލާފަތުގެ ރައްތަކުގެ ތަފްސީލް ފަހުން، ގެނެސްދޭނަމެވެ. ރަތްކަނޑުގެ އައްސޭރިފަށުގެ ރަށެއްކަމުގައިވާ، ޔަންބޫޢަ ރޮޔަލްނޭވީންގެ އެހީ އާއެކު އަރާއި ހިފިއެވެ. އަދި ޢުޘްމާނީ ޚިލާފަތުގެ ބާރު މިރަށްތަކުން މުޅިން ނައްތާލިއެވެ. 1917 ގައި ޢަޤަބާ ހިފީއެވެ. ސޫރިޔާ އަދި ދަމިޝްޤް ހިފީއެވެ. ޢިރާޤް އާއި ބަޣްދާދް ވެސް ހިފީއެވެ. މާތްވެގެންވާ ޤުދުސް، އިސްލާމީ އުންމަތުން ބީވެގެން، އިނގިރޭސިންގެ ބާރުގެ ދަށަށް ވެއްޓުނެވެ. އަދި އިސްލާމީ ޚިލާފަތުގެ ދީވާން ކަމުގައިވާ އިސްޠަންބޫލް އަށް ފަރަންޖީ ކާފަރުން ވަދެ ހިފީއެވެ.
އިނގިރޭސިން ނާއި ފަރަންސޭސިން ޢަމަލީ ގޮތުން ވަދެގަނެ ގެންނެވެ. ފަހެ، ލޯރެންސް މަރުވީ މިހުރިހާ ކަމަކަށް ފަހު، ޢުޘްމާނީ ޚިލާފަތްގެ ބިންތައް އިސްތިޢުމާރު ކޮށް، ސިޔާސީ ގޮތުން ވެވުނު ވަޢްދުތަކާ އެއްގޮތަށް ބަހާއި ކުދިކުދި ކޮށްލުމަށް ފްރާންސްގެ ޕެރިސްގައި ބޭއްވި، ޕީސް ކޮންފަރެންސް ގައި، ފައިޞަލް ބިން ޙުސައިން އަރިހުގައި ބައިވެރި ވުމަށް ފަހު، އިނގިރޭސި ވިލާތަށް އެނބުރި ގޮސް އިނގިރޭސި ވިލާތުގައި ދިރިއުޅެމުން ގެންދަނިކޮށެވެ.
މަރުގެ ހާދިސާ ހިނގާދިޔައީ، އިނގިރޭސި ވިލާތުގެ ދެކުނު ރަށެއް ކަމުގައިވާ ޑޯރސެޓް (DORSET) ގައި ބްރޯފް ސްޕީރިއާ އެސްއެސް، 100 ގެ ވަރުގަދަ، ބިޔަ މޮޓޯސައިކަލެއް ދުއްވަނިކޮށް އެކްސިޑެންޓެއް ވެގެންނެވެ.

ލޯރެންސް ދުއްވި މޮޓޯސައިކަލް އިންޕީރިއަލް މިއުޒިއަމް، ލަންޑަންގައި އިނގިރޭސިންގެ ޝަރަފްއެއްގެ ގޮތުގައި މިހާރުވެސް ބެހެއްޓިފައި އެބަހުއްޓެވެ. ލޯރެންސް އަމިއްލަފުޅަށް ބައެއް ލިޔުންތައް ލިޔުއްވިއެވެ. އޭނާގެ އެންމެ މަޝްހޫރު ފޮތަކީ، “ސެވަން ޕިލާސް އޮފް ވިސްޑޮމް” އެވެ. މިފޮތުގައި ލޯރެންސް ލިޔެފައިވަނީ، އޭނާގެ އަމިއްލަ ހަޔާތާއި އެނާ ބައިވެރިވި ހަނގުރާމަ ތަކުންލިބުނު ތަޖްތިބާ ތަކުގެ ވާހަކައެވެ.
ހަގީގަތަކީ އުޘްމާނީޚިލާފަތު ރޫޅާލާއި އިސްރާއީލީ ދައުލަތް ގައިމު ކުރުމަށް މެދުއިރުމައްޗަށް ޒިންމާތަކެއް ދިފާއި ފޮނުވި ޖާސޫސަކީ މީނާއެވެ. މީނާގެ މަސައްކަތް މީނާ ކާމިޔާބު ކުރިއެވެ.
އާދެ! ލޯރެންސު ފޮނުވުނު ޝާމްކަރައަށް އޭގެ ސަތޭކަވަރަކަށް އަހަރު ފަހުން މިއަދު އެމަސައްކަތް ހާވާލުކޮށްފައި އެވަނީ "ދާޢިޝް" އާ އެވެ. މިމީހުންގެ "އިސްލާމީދައުލަތު" ގެ ބޭނުމާއި މަގުސަދަކީ އިސްލާމީ ޝާމްކަރައިގައި އުފެދިފައިހުރި އިސްލާމީ ދައުލަތްތައް ފުނޑުފުނޑުކޮށް ބޮޑު އިސްރާއީލު ގައިމުކުރުމަށް މަގުކޮށުމެވެ. ފަލަސްތީނުގެ މަސްޖިދު އަގުސާ މުގުރާލާއި އެމީހުންގެ ތިންވަނަޓެންޕަލް ބިނާކުރުމެވެ.
ޖެނެރަލް އެލަންބީ:
ފީލްޑަމަރޝަލް އެޑްމަންޑް ހެންރީ ހައިންމަން އަލެންބީ (EDMUND HENRY HYNMAN ALLENBY, 23 APR 1861 – 14 MAY 1936) އަކީ، އިނގިރޭސި ސޯލްޖަރ އެކެވެ. އަދި ބްރިޓިޝް އިމްޕީރިއަލް ގަވަރނަރ އެކެވެ. ބޮޑު ހަނގުރާމައިގާ ބްރިޓިޝް އެންޕަޔަރގެ އެކްސްޕެޑިޝަނަރީ ލަޝްކަރު، އީ.އީ.އެފް (EGYPTIAN EXPEDITIONARY FORCE, EEF) ގެ ޢަސްކަރީ އެންމެމަތީ ވެރިޔާއެވެ. ފީލްޑްމަރޝަލް އެވެ.

އަދި ސީނާ އާއި ފަލަސްޠީން ހިފުމުގެ ކެންޕޭން (SINAI PALESTINE CAMPAIGN) 1915 އިން ފެށިގެން، 1918 އަށް އިސްލާމީ ޚިލާފަތާ ދެކޮޅަށް، އިސްލާމުންގެ ވެރިރައްތައް ހިފުމަށް ކުރެވުނު ހަނގުރާމައިގެ އެންމެ މަތީ މޭސްތިރިޔާ އެވެ. ޢަރަބި ލަޝްކަރާއެކު ހުންނެވި، ލޯރެންސްގެ ވެސް ވެރިޔާއެވެ. އަލެންބީ އަށް އޯޑަރތައް އަންނަމުން ދިޔައީ އޭރު މިޞްރުގައި، އިނގިރޭސި ހައިކޮމިޝަނަރ އަކަށް ހުންނެވި، މެކްމަހޮންގެ އަމުރުވެރި ކަމުގައެވެ. އިނގިރޭސި އެންޕަޔަރ އިން އަމުރުތައް ސީދާކޮށް އަންނަނީ މެކްމަހަން އަށެވެ.
ޖެނެރަލް އަލެންބީ ވަނީ، އޭނާގެ މަތިވެރި ވެގެންވާ، މާތް އިނގިރޭސި ދަރުބާރަށް ވެފައިވާ ވަޢުދުއައި އެއްގޮތަށް، 1917 ވަނަ އަހަރުގެ ކްރިޝްމަސް އައުމުގެ ކުރިން، ޤުދުސް ހިފުމަށް ފަހު، މަތިވެރި ވެގެންވާ، މާތް އިގިރޭސި ދިދަ ޤުދުސްގައި، ކްރިޝްމަސް ހަދިޔާއެއްގެ ގޮތުގައި ނަގައިދޭނެ ކަމަށް ނިޔަތްގަނެ ޢަޒުމް ކަނޑައަޅާ ފައެވެ.
އަލެންބީގެ އީއީއެފް ލަޝްކަރާއި ލޯރެންސްގެ ޢަރަބި ލަޝްކަރުގެ މިޞްރާބު ވަނީ، އެދިމާއަށް އަމާޒު ކަށަވަރުކޮށް ފައެވެ. ލޯރަންސް އަށް، ހަނގުރާމައިގެ އޯޑަރުތައްދީ ހަނގުރާމަ މަތީ އުކުޅުތައް ބުނެދެމުން ގެންދިޔައީ ޖެނެރަލް އަލެންބީއެވެ. ދެ ޖެނެރަލުންގެ އަމާޒު ފަތްގަނޑަކީ ވެސް އެކެއްޗެކެވެ.
މިހަނގުރާމަ ތައް، 3 އަހަރާއި، 9 މަހާއި، 2 ދުވަހަށް ދެމިގެން ދިޔައެވެ. ނަތީޖާއަކީ ދެ ޖެނެރަލުންގެ އަމާޒު ފަތްގަނޑަށް ވާސިލްވުމެވެ. ފުރިހަމަ ކާމިޔާބު ހޯދުމެވެ. ޢިރާޤު އާއި ބަޣްދާދު އާއި ސޫރިޔާ އާއި ދަމިޝްޤު އާއި ޙުރުމަތް ވެގެންވާ ޤުދުސް ހިފީއެވެ. އަދި ބިއުރުއްސަބަޢު (BEERSHEBA) 31 އޮކްޓޯބަރ 1917 ގައި ހިފީއެވެ. އަދި ޖާފާ (JAFFA) ހިފީއެވެ. އަދި ޙަލަބް (ALEPPO) ވެސް ހިފީއެވެ. ދެންވެސް ހުރިހުރިހާ ބިންތައް، އަލެންބީ އާއި ލޯރެންސްގެ ލަޝްކަރު ތަކުން ހިފައި ފަތަޙަހޯދައި ހަނގުރާމަ ނިންމާލީ، މަތިވެރި ވެގެންވާ ކާމިޔާބު ތަކެއް އިނގިރޭސި އެންޕަޔަރ އަށް ހޯދައި ދީފައެވެ.
އާދެ! ބޮޑު ހަނގުރާމަ ނިމިގެން، އެލަންބީ އައްޔަން ކުރެވުނީ، ޢަރަބި މިޞްރުގެ ހައިކޮމިޝަނަރގެ މަޤާމް އަށެވެ. މިމަޤާމްގައި، 1919 އިން ފެށިގެން، 1925 އަށް ދެމި ހުންނެވިއެވެ. ސޫދާން އަށް ވެސް ކަނޑައަޅުއް ވާފައި ހުންނެވީ، އަލެންބީ އެވެ. މެކްމަހޮން ހުންނެވި އިރުހެން، މުޅި މެދު އިރުމަތި ބަލަހައްޓަމުން ގެންދެވީ، އަލެންބީއެވެ. އަލެންބީގެ ގަދަފަދަ ކަމުން ހަނގުރާމައިގެ މައިދާނުގައި ވަނަމަކަށް ދެވިފައިވާ ނަމަކީ، ބްލަޑީބުލް (BLOODY BULL) އެވެ. އަދި ހަނގުރާމައިގާ މުސްލިމުން އަތުންހިފި ބިންތައް އިދާރީ ގޮތުން، އިނގިރޭސި އެންޕަޔަރގެ ދަށުން ބަލަހައްޓަމުން ގެންދެވީ އަލެންބީއެވެ.
އޮކިއުޕައިޑް އެނިމީ ޓެރިޓޮރީ އެޑްމިނިސްޓްރޭޝަން (OCCUPIED ENEMY TERRITORY ADMINISTRATION) އޯ.އީ.ޓީ.އޭ އިދާރީގޮތުން ބަލަހައްޓަމުން ގެންދިޔައީ، އަލެންބީގެ ކޮމާންޑްގެ ދަށުންނެވެ. ދުޝްމަނުން ނޭ މިކިޔަނީ ލޮބުވެތި މުސްލިމުން ނަށެވެ. އިސްލާމީއުންމަތަށެވެ. އެނިމީ ޓެރިޓޮރީތައް، ފްރާންސްގައި އޮތް ޕެރިސް ޕީސް ކޮންފަރެންސް އިން ރަސްމީކޮށް ޓްރީޓީތައް ހަދާއި އެއްބަސް ވެވެންދެން ބެލެހެއްޓީ އަލެންބީގެ ލަޝްކަރު ތަކުންނެވެ.
ޖެނެރަލް އަލެންބީ ކައިވެނި ކުރެއްވީ، 1897 ގައެވެ. 1925 ގައި ރިޓަޔަރ ކުރެއްވުމަށް ފަހު، އިނގިރޭސި ވިލާތުގައި ސީނާ އާއި ފަލަސްޠީން ހަނގުރާމައިގެ ހުނަރުތަކާ ގުޅޭގޮތުން ބައެއް ލެކްޗަރުތައް ދެއްވައި ހެއްދެވިއެވެ. އަދި ޢުމުރުން، 74 އަހަރުގައި މުޅި ޙަޔާތުގައި އެންމެ ފަހުން ކުރެއްވި މަސްދަތުރު ކުރެއްވިއެވެ. ފަހެ މަރުވީ، ކުއްލިއަކަށް ސިކުނޑީގެ ނާރެއްގައި ބޮތްކެއްޖަހައި ފަޅައިގެން ގޮސް، 14 މެއި 1936 ގައެވެ. އޭރު ޢުމުރަކީ، 75 އަހަރެވެ. ހަށިގަނޑު އަންދައި އަޅިއަށް ހަދާލުމަށް ފަހު، އަޅިކޮޅު ވަޅުލާފައި ވަނީ، ވެސްޓްމިނިސްޓަރ އައްބީ (WESTMINSTER ABBEY) ގައެވެ.
އިނގިރޭސިންގެ ވަޢުދު ތައް:
ބޮޑު ހަނގުރާމައިގައި ކާމިޔާބު ހޯދުމަށާއި އިސްލާމުންގެ ވެރިރަށްތައް ހިފުމަށް އިނގިރޭސިން ވީ ވަޢްދުތަކުގެ ތެރެއިން މަޝްހޫރުކޮށް ގުނާލެވޭ ގޮތަށް ހިންގާފައި ވަނީ، ބޮޑު ތިން ވަޢުދުއެވެ. މިރޭވުންތައް ރާވާއި އިންތިޒާމް ކުރަމުން ގެންދިޔައީ އިނގިރޭސި ބާރުންނެވެ. މިޞުރުގައި ހައިކޮމިޝަނަރ އަކަށް ހުންނެވި، މެކްމަހޮން ލައްވައެވެ. އޭނާގެ ދަށުން އަލެންބީއާއި ލޯރެންސް މެދުވެރި ކޮށެވެ. ލޯރެންސް އަކީ، އެއްވަނަ ދަރަޖައިގެ ފައްކާ ޖާސޫސެކެވެ.
މިމަސައްކަތް މައްކާ ޝަރީފް ޢާއިލާ ބޭފުޅުންގެ ބޮލަށް އެރިގެން ހިންގުމަށް، އިނގިރޭސި ސަރުކާރުން ލޯރެންސް އަށް ކޮންމެމަހަކު، ދުއިސައްތަ ހާސް ޕައުންޑް ދެމުން ގެންދިޔައެވެ. ޢަރަބިންގެ ތެރޭގައި ގަދަރާއި ޝާނާއި ޝައުކަތް ދައްކައިގެން އުޅުމަކީ، ވަރަށް ފައިސާ ބޭނުންވާނެ ކަމެކެވެ. އެޒަމާނުގައި ދުއިސައްތަ ހާސް ޕައުންޑަކީ، ވަރަށް ގިނަފައިސާއެވެ.
މިހާބޮޑު އަގެއްދީފައި ލޯރެންސް ޢަރަބިކަރައިގެ މައްކާގައި ބެހެއްޓީ، ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބިން ނެރެ ހަނގުރާމަ ކުރުވާށެވެ. މިކަން ހާސިލްކުރުމަށް މައްކާ ޝަރީފްއައި ގާތްގުޅުން ތަކެއް ބާއްވަމުން ގެންދިޔައިރު، އޭނާގެ މަތިވެރި މާތް އިނގިރޭސި ސަރުކާރުން، އަޑިއަޑިން ކުޅެމުން ގެންދިޔަ ދެފުއްދެގޮތް، މޭޒުދަށުގެ ސިޔާސީ ކުޅިވަރާއި ޑަބަލްއެޖެންޓް ކަމަކީ، ސިދާކޮށް ލޯރެންސް ދެނެހުންނާނެ ކަންތަކެވެ.
އެހެނަސް އެކަންކަން ސިއްރުކޮށް ގެން މައްކާޝަރީފް ޙުސައިން އާއި އޭނާގެ، ތިންބެއިން ރުއްސައިގެން އަމިއްލަ ފައިދާއާއި މޮޅު ލިބިގަނެގެން، މަޑުންހުރީ އިނގިރޭސި ހިޔަޅު ބުއްދީގައެވެ. ޢަރަބިންނަށް ލޯރެންސްގެ ހިޔަޅު ބުއްދީގެ ސިޔާސީ ކުޅިގަނޑު ރެއަކާލީ، ހަނގުރާމަ ނިމިގެން، 1919 ގައި ޕެރިހުގައި އޮތް ޕީސް ކޮންފަރެންސް ގައި ހުރިހާ ފަރާތްތަކުން އެއްހާޒިރުގައި ތިބެގެން، އެބަޔަކަށް އިނގިރޭސިން ވެފައިވާ ވަޢްދު އައި ގުޅިގެން އެބަޔަކަށް ލިބެންވާ ބިންތައް ބެހުމުގެ ބަހުސް ފަށާއި ހޫނުވެގެން ދިޔަހިސާބުން ނެވެ. އެއްބަޔަކު އަނެއްބަޔަކަށް، އެބައެއްގެ ހިއްސާ ހޯދުމަށް އަވަސްވެގަނެ އަރާރުންވާން ފެށުމުންނެވެ.
އެކަކު އަނެކަކަށް ތިމަންނާގެ ބަތްސުވާބޮޑު ކުރަން ފެށުމުންނެވެ. އެ ބައްދަލުވުމުގައި ލޯރެންސާއެކު، މައްކާޝަރީފުގެ ހަގުދަރިކަލުން ފައިޞަލް އިންނެވިއެވެ. އޭގެ ކުރިން، މައްކާޝަރީފް އަށާއި އޭނާގެ ތިން ދަރިކަލުންނަށް ލޯރެންސް ވަރުގެ އިޚްލާޞް ތެރިއެއް ނެތެވެ. މިތަނުގައި އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަގެ ފަރާތް ފުޅުން، މުސްނަދު އަހްމަދު ގައި އެކަލޭގެ ފާނަށް ރުއްސުން ލެއްވި ޘައުބާންގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެކެވެ.
عَن ثَوبَانَ رضى الله عنه، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم، {يوشِكُ الأُممُ أن تَداعَى عليكم كما تَداعَى الأَكَلَةُ إلَى قَصْعَتِها} فَقَالَ قاَئِلٌ: وَمِن قِلَّةٍ نَحْنُ يَومَئِذٍ؟ قَالَ: {بَل أَنتُم يَومَئِذٍ كَثِيْرٌ، وَلَكِنَّكُم غُثاءٌ كَغُثَاءِ السَّيلِ، ولَينْزِعَنَّ اللَّهُ مِن صُدُورِ عَدُوِّكُم الْمَهَابَةَ مِنْكُم، وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الوَهْنَ.} فَقَالَ قَائِلٌ: يَا رَسُولَ اللَّهِ، وَمَا الوَهْنُ؟ قَالَ: {حُبُّ الدُّنيَا وَكَرَاهِيَةُ الْمَوتِ.} رواه أحمد.
މާނައީ: އެކަލޭގެފާނަށް ރުއްސުންލެއްވި ޘައުބާންގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
{ހުރިހާ ފަރާތްތަކުން އުންމަތްތައް ތިޔަބައި މީހުންގެ މައްޗަށް އަރައިގަތުން ގާތްވެގެން ވެއެވެ. އެއީ ކާތަކެތީގެ ދޮނލަގެއްގެ ވަށައިގެން ތިބެ ކަމުންގެންދާ ބަޔަކު އެއްބަޔަކަށް ވުރެ ގިނައިން އަނެއްބަޔަކު ކެއުމުގައި އަވަދިނެތިވާ ފަދައިންނެވެ.}
އަޞްޙާބުންކުރެ ބޭކަލަކު ދެންނެވިއެވެ. “އެގޮތަށް ދިމާވުންވަނީ އެދުވަހުން އަޅުގަނޑު މެން (މުސްލިމުން) ގެ ޢަދަދު މަދުވުމުން ތޯއެވެ؟” ޙަދީޘް ކުރެއްވި އެވެ.
{ނޫނެކެވެ! އެދުވަހުން ތިޔަބައި މީހުންނީ ޢަދަދުގެ ގޮތުން ގިނަބަޔަކު ކަމުގައި ވާހުއްޓެވެ.އެހެނެއް ކަމަކު (އެ ދުވަހުން) ތިޔަބައި މީހުންގެ މިސާލަކީ، އޮހިގެންދާ ބޮޑު ފެން ގަނޑެއްގެ މަތީގައި ހުންނަ ފޮނުގަނޑުގެ މިސާލެވެ. ތިޔަބައި މީހުންނާ މެދު ތިޔަބައި މީހުންގެ ޢަދާވާތް ތެރިންގެ ހިތްތަކުގައިވާ، ޖެހިލުން ވުން، ﷲތަޢާލާ ފިއްލަވައިފާ ހުއްޓެވެ. އަދި ތިޔަބައި މީހުންގެ ހިތްތަކުގައި، ﷲތަޢާލާ އަލްވަހުނު ލައްވަވައިފާ ހުއްޓެވެ.}
އަޞްޙާބުން ކުރެ ބޭކަލަކު ދެންނެވިއެވެ. އޭ! ﷲގެ ރަސޫލާއެވެ! އަލްވަހުނަކީ، ކޮބައި ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. {އެއީ ދުނިޔެއަށް ލޯބިޖެހި، ދުނިޔެއަށް އެދުންވެރި ވުމާއި، މަރުވުމަށް ނުރުހުންތެރި ވުމެވެ.}
ރަވާހު އަޙްމަދު. ~ނުނިމޭ~



Comments