top of page

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު ތިނެއް

  • Writer: ilyashusein
    ilyashusein
  • Apr 29
  • 29 min read

Updated: May 1

މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.


ސ، ތިނެއް: އިލްޔާސް ވަނީ، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި، ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމު މީގެކުރިން އަދާކުރައްވާފަ އެވެ. އަދި ފަހުން ކުރީގެ ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމައި ހަވާލުވެވަޑައި ގަތުމުން އިލްޔާސް ވަނީ، ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް އެންޑް އެމިގްރޭޝަންގެ މަގާމައި އަލުން ދެވަނަ ފަހަރަށް ހަވާލު ކުރައްވާފަ އެވެ. ވީމާ އިލްޔާސް ގަބޫލުކުރާ ގޮތުގައި މޯލްޑިވްސް އިމިގްރޭޝަން އަށް ބަދަލެއް ގެނެސް ރިފޯމް ކުރަން ޖެހޭތޯއެވެ. އަދި އެކަމަށް ދެއްވާނެ އިންސާފަކީ ކޮބައިތޯ އެވެ؟


ދިވެހި އިމިގްރޭޝަނަށް ހޯދި ބޯޑާ ކޮންޓުރޯލް ސިސްޓަމުގެ ހަގީގަތް:  


ޖ، ތިނެއް: ކުރުގޮތަކަށް ދަންނަވަނީ ނަމަ ދަންނަވާނީ، ބޮޑެތި ބިޔަ ބަދަލުތަކެއް ވަރަށް އަވަހަށް މޯލްޑިވްސް އިމިގްރޭޝަނަށް ގެންނަންޖެހޭ ކަމުގެ ވާހަކަ އެވެ. އަދި އެބަދަލުތައް ގެނެވޭތޯ އަޅުގަނޑައި ހަވާލުވި ދެމަރުހަލާގައި ވެސް ހިތްވަރާ އެކު ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރީމެވެ. އެހެނަސް އެންމެ ފުރިހަމަ ނަތީޖާ ނުނެރެވި އެ މަސައްކަތުގައި ފެއިލްވާން ޖެހުނީ ދެފަހަރު މަތީން ވެސް، ސީދާ އަޅުގަނޑަށެވެ. ދިމާވި ގިނަ ހުރަސްތަކާ ހެދިއެވެ. އެ މުއައްސަސާ އަދިވެސް އޮތީ އެންމެ ކުރިންވެސް އެތަންއޮތް ބީދައަށް ހަމަ އެބައްޓަމަށް އޮޓޮމެޓިކު މެޝިނެއްހެން މަޑުމަޑުން ހިނގަހިނގައެވެ. ހަރުދަނާ ކަމެއް ގެނެވިފައެއް ނުވެއެވެ.


އާދެ! އަޅުގަނޑަށް މޯލްޑިވްސް އިމިގްރޭޝަނުގައި ޚިދުމަތް ކުރުމުގެ ފަޚުރު ފުރަތަމަ ފަހަރަށް ލިބިގެން ދިޔައީ، ދިވެހިރާއްޖޭގައި ރައީސް މައުމޫނުގެ ދިގު، 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، މަލްޓިޕާޓީ ސިޔާސީ ސިސްޓަމެއް ގައިމުކޮށް ކޯލީޝަނެއް "އެމްޑީޕީ އިއްތިހާދު" ގެނަމުގައި އުފައްދާއި އިންތިހާއަށް ވާދަވެރިކޮށް ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށް އާ ގާނޫނު އަސާސީއެއްގެ ދަށުން، މުޅިން އާ ސަރުކާރެއް ދިވެހި ދައުލަތުގައި ގައިމު ކުރެއްވި ޒުވާން ލީޑަރު މުހަންމަދު ނަޝީދު އާއި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ޑޮކްޓަރު މުހަންމަދު ވަހީދު ހަސަން މަނިކުއާ ގުޅިވަޑައިގެން އެކުލަވާލެއްވި ކޯލީޝަން ސަރުކާރުގައި، 2008 ވަނަ އަހަރުއެވެ.


ފަހެ، މިދެބޭފުޅުން ގާނޫނީ ގޮތުން ކުރަންޖެހޭ ހުވާ ކުރެއްވުމަށް ފަހު، އެކުލަވާލި ސަރުކާރުގެ އޮނިގަނޑުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައި ހިންގަމުން ގެންދާ ގޮތަށް ހަމަޖެއްސެވި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (ފަހުން މޯލްޑިވްސް އިމިގްރޭޝަން) ގެ ކޮންޓްރޯލަރގެ މަގާމް، ޑެޕިއުޓީ މިނިސްޓަރެއް ފެންވަރުގައި ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ދެއްވީ ސީދާ އަޅުގަނޑަށެވެ.

މިނިސްޓަރުގެ ނައިބު ފެންވަރުގައި ކޮންޓުރޯލަރަކަށް އައްޔަން ކުރި ފަތްކޮޅު
މިނިސްޓަރުގެ ނައިބު ފެންވަރުގައި ކޮންޓުރޯލަރަކަށް އައްޔަން ކުރި ފަތްކޮޅު

އެއީ، 13 ނޮވެންބަރު 2008 ވަނަ ދުވަހުއެވެ. އަދި ތިން ވަރަކަށް މަހަށް ފަހު، ސްޓޭޓް މިނިސްޓަރު ފެންވަރަށް އަޅުގަނޑުގެ މަގާމު ފަތްކޮޅަކުން ހަމަ ޖެއްސެވީ ވެސް ރައީސް ނަޝީދު އެވެ. އެއީ، 15 ޖެނުވަރީ 2009 ވަނަ ދުވަހުއެވެ. އެކަން ކުރެއްވީ ސުވާލުގައި އެވާގޮތަށް، ރައީސް ވަހީދުގެ ވެރިކަމަކު ނޫނެވެ.

ސްޓޭޓުމިނިސްޓަރު ފެންވަރަށް ކޮންޓުރޯލާގެ މަގާމު ހަމަޖެއްސެވި ފަތްކޮޅު
ސްޓޭޓުމިނިސްޓަރު ފެންވަރަށް ކޮންޓުރޯލާގެ މަގާމު ހަމަޖެއްސެވި ފަތްކޮޅު

ފަހެ، އެދުވަސްކޮޅު، އިމިގްރޭޝަން ހިންގަމުން ދިޔައީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރަށް ރިޕޯޓު ކުރާގޮތަށެވެ. މުޅިން މުސްތަގިއްލު ކޮށް ވަކި ޚާއްސަ ގާނޫނެއްގެ ދަށުން ހިންގަމުން ގެންދާ މުސްތަގިއްލު އިދާރާއެއްގެ ގޮތަށެވެ. ރައީސް މައުމޫނު ވެރިކަމުގެ ފަހުކޮޅުގައި ވަނީ، "އިމިގްރޭޝަން ގާނޫނު" ނަމުގައި މުޅިން އާ ގާނޫނެއް ހަދައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރައްވައި، ގެޒެޓް ކުރެއްވުމަށް ފަހު، އެގާނޫގެ ދަށުން މިނިވަން، މުސްތަގިއްލު ކޮށް އެ އިދާރާ ހިންގަވާން ފައްޓަވާފަ އެވެ.


ފަހެ، އެގާނޫނުގެ ދަށުން ކޮންޓްރޯލަރަށް ވަރަށް ގިނަ ބާރުތައް ލިބިދީފައި ވެއެވެ. އެކަން އަވަސް އަރުވާލައްވާފައި އޭރުގެރައީސް ފުރިހަމަ ކޮށް ނިންމަވާ ލެއްވީ، ޑީއާރުޕީން ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް ތައްޔާރުވެ ތުންފަތް މަތީގައި ވާތީ، ރިޔާސީ ކެންޕޭނަށް އެޅުއްވި އިސްލާހީ ފިޔަވަޅު ތަކުގެ ތެރެއިން ކަމެއްގެ ގޮތުގައެވެ.


ހަމަ އެދުވަސްކޮޅު ތެރޭގައި އިލެކްޓްރޯނިކް ޕާސްޕޯޓެއް މުޅި މިރީޖަންގައި ވެސް އެކަން ކުރެވިފައި ނުވަނިކޮށް ފުރަތަމަ ފަހަރަށް މިރާއްޖޭގައި ތައާރުފް ކުރެއްވި އެވެ. އަދި ވެސް މިނޫނަސް ގިނަގުނަ ސިޔާސީ ކަންކަމަށް އިމިގްރޭޝަން އެދުވަސްކޮޅު ބޭނުން ކުރެވިފައި ހުރިކަން، އަޅުގަނޑު ހަވާލުވެގެން އެއިދާރާއަށް ވަނުމުން ސާފުވެގެން ދިޔައެވެ.


އާދެ! އޭރު ޑީއާރުޕީ ހިންގަވަން އިސްކޮށްފައި ހުންނެވީ، އާގާނޫނުގެ ދަށުން ހަމަޖެހިގެންދިޔަ އޭރުގެ ޒުވާން ކޮންޓްރޯލަރާއެވެ. އެހާގިނަ ގަދަފަދަ ބާރު ތަކުގައި ހުންނެވުމުން ވަރަށް ގިނަ ސިޔާސީ ފައިދާތައް އޮތީ އެއިދާރާ ތެރެއިން ނެގޭގޮތަށް ހުޅުވިފައެވެ. އެއިދާރާ އޭރު އޮތީ ބޭނުން ވަރަކަށް ސިޔާސީ ފައިދާތައް ނެގޭގޮތަށް ބައްޓަން ކުރެވިފައެވެ.


ހިތާމައަކީ، މިގާނޫގެ ދަށުން ބާރުތައް ލިބިދީފައި އޮތް އިރުވެސް އިދާރީ އިސްލާހީ ގޮތުން އޮފީސް ތެރޭގައި ބޮޑުކަމެއް ހިންގިފައި ނެތްކަމެވެ. ފަހަރުގައި އޭރުގެ ކޮންޓްރޯލަރ ސިޔާސީ ގޮތުން ޑީއާރުޕީ ހިންގެވުވުމުގައި އެދުވަސްކޮޅު އިސްކޮށް އަވަދިނެތި އުޅުއްވުމުގެ ބިޒީކަމުން އެހެންވީ ކަމަށް ވެދާނެއެވެ.


ފަހެ، މިގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހެދިފައެއް ނެތެވެ. ޕާސްޕޯޓު އާ ބެހޭ ގާވާއިދެއް ހެދިފައި އޮތީ މާކުރީގައި އެގަވާއިދު ހަދާފައި އޮތުމުން ނެވެ. އަޅުގަނޑުގެ މަތިން ހޯމް މިނިސްޓަރަކަށް ހުންނެވީ، އާ ހޯމް މިނިސްޓަރު އޮނަރަބްލް ގާސިމް އިބްރާހީމެވެ. އެބޭފުޅާ އަކީ އަޅުގަނޑަށް ވަރަށް ގިނަ އިރުޝާދާއި އެހީތެރިކަން މިއިދާރާ ހިންގުމުގައި ދެއްވި ބޭފުޅާއެވެ. މި ދިމާއަށް އިމިގްރޭޝަނަށް، އަޅުގަނޑު ގެންދިޔަ ހަގީގީ ބޭފުޅަކީ ވެސް އެ މަނިކުފާނެވެ. ރައީސް ވަހީދެއް ނޫނެވެ. އަދި އެމްޑީޕީއެއް ވެސް ނޫނެވެ. ސުވާލުގައި އެއީ ގޯސް ވިސްނުމެކެވެ.


ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރުމުގެ އިސްފަރާތަކީ ވެސް ޚުދު އޮނަރަބްލް ގާސިމެވެ. ފުރަމަ ފަހަރުވެސް އެ މަނިކުފާނު އާ ސަރުކާރުގައި އެދިވަޑައިގަތީ، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އަޅުގަނޑު ސަރުކާރަށް ވެއްދުމަށެވެ. އެހެނަސް އެމްޑީޕީން، ރައީސްނަޝީދު އެކަން އެގޮތަށް ކުރެއްވުމަށް ފަސްޖެހި ނައިބެއްގެ ފެންފަރުގައި މަގާމު ހަމަޖެއްސެވީއެވެ. އަދި ޚުދު އެމަނިކުފާނުގެ ދަށުން އިމިގްރޭޝަން ހިންގާ ގޮތަށް އޮތުމުން، ކޮންޓްރޯލަރަކަށް ގެނައުމުގެ މޭސްތިރި އަކީ ހޮން ގާސިމެވެ. އަޅުގަނޑު ދެވަނަ އެހެން މީހެއް ނޫނެވެ. އަބަދުވެސް ގާސިމަށް ޝުކުރުވެރި ވާނަމެވެ. އެއީ ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނުން ގެއްލިގެން، ފޮހެވިގެން ނުދާނެ އަޅުގަނޑު އަބަދުވެސް ލޯބިވާ ޝަޚްސިއްޔަތެކެވެ.


ކޮންޓްރޯލަރ މަގާމުގެ ފަތްކޮޅު ދެއްވި ދުވަސް ދޫކޮށް އަނެއް ދުވަހު، 14 ނޮވެންބަރ 2008 ގައި އަޅުގަނޑު އަލަށް އޮފީހަށް ހާޒިރުވުމުން، އެދުވަހު މޯލްޑިވްސް އިމިގްރޭޝަން ގައި ތިއްބެވި ހުރިހާ ވެރިން އަޅުގަނޑަށް މަރްހަބާ ކިޔުއްވިއެވެ. އަދި ކޮންޓްރޯލަރަށް ޚާއްސަ ކުރެވިފައި ހުރި، ވަރަށްރީތި ކޮޓަރިއަށް އަޅުގަނޑު ގެންގޮސް މާސިންގާމޭޒެއް ކައިރީގައި ހުރި އަތްގަނޑުލީ ބޮޑުގޮނޑިއެއް އިށީނުމަށް ދެއްކެވިއެވެ. އޭރު އެ މޭޒުމަތީގައި ބޮޑުމާސިންގާ ދެމޮނީޓަރު ލާފައިހުރި ކޮންޕިއުޓަރ ސިސްޓަމެއް ބަހައްޓާފައި ހުއްޓެވެ.


ފުރަތަމަ އަހާލަން ޖެހުނީ ދެމޮނިޓަރ މިހިރީ ކީއްވެ ހެއްޔެވެ؟ ޖަވާބަކަށް އައީ އެކެތި އެއީ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން އުނި އިތުކޮށް ހަދައި، އަދި އެންޓްރީ ކުރާ ހުރިހާ އެންޓްރީތަކަށް ވަދެވޭގޮތަށް ޚާއްސަ ކުރެވިފައި ހުންނަ ސިސްޓަމަކާއި އޮފީސް އެހެން މަސައްކަތަށް ބޭނުން ކުރަން ހުންނަ ކޮމްޕިއުޓަރ ސެޓު ކަމަށެވެ.


ފަހެ، އެޗާލު ރީތި ބޮޑު ކޮޓަރީގައި ކުޑަ އިރުކޮޅަކު ދެ ޑެޕިއުޓީންނާ އެކު ވާހަކަކޮޅެއް ދައްކާލާއި ޚިޔާލު ބަދަލުކޮށް ލުމަށް ފަހު، ދިޔައީ އޮފީހުގައި އެދުވަހު ތިއްބެވި ހުރިހާ ސީނިއަރ ސްޓާފުންނާ އެކު، ސްޓާފް މީޓިންއެއް ބޭއްވުމަށް ކޮންފަރެންސް ހޯލް، ރޫމަށެވެ. އަދި އަނެއްދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެދުނު، 8:00 އިން ފެށިގެން، 8:30 އަށް، ބައިގަޑިއުރަށް ހުރިހާ އިސްވެރިންނާ އެކު، ސްޓާފްމީޓިން ބާއްވަން ހަމަޖައްސައި އެކަން އެ އިދާރާގައި އަހުރެން ހުރިހާ ދުވަހަކު ބަރާބަރަށް ގަވައިދުން ކުރިޔަށް ގެންދިއައިމެވެ.


ހިންގުމުގެ މަޝްވަރާތައް ދުވަހުން ދުވަހަށް ކުރަނީ. މިބައްދަލު ވުމުން ނިންމައި ގެންނެވެ. އަޅުގަނޑު އަމިއްލައަކަށް ނިންމައިގެނެއް ނޫނެވެ. މިއީ އެއިދާރާގައި މުޅިން އަލަށް ފެށުނުކަމެއް ކަމުގައި އެބޭފުޅުން ޚަބަރު ދެއްވިއެވެ. މީގެކުރިން ދުވަހަކުވެސް މިއީ އެއިދާރާގައި ހިންގުނު، އަދި ކުރެވުނު ކަމަކަށް ނުވެއެވެ. އަޅުގަނޑަށް މިކަންކަން ދަސްވެފައި ހުރީ ދިވެހި ސަރުކާރުގައި ހޭދަކުރި ގިނަ ޚިދުމަތްތަކާއި ގިނަދުވަހުގެ ތަޖުރިބާގެ ތެރެއިން ދަސްވެފައިވާ ކަމަކަށް ވާތީއެވެ.


އާދެ! އެމީޓިން އަށް ފަހު، އިސްވެރީންނަށް ދަންނަވައި "އިމިގްރޭޝަން ގާނޫނު" ހޯދައިގެން ގެނެސް ވަރަށް ރަނގަޅަށް ވިސްނަވިސްނައި ގެން ދެތިން ފަހަރު ކިޔައި މުހިންމު ބައިތައް ހިތުން ދަސްކުރީމެވެ. އަދި ރަސްމީ މޭޒުގައި ހުސް ވަގުތެއް ލިބޭއިރަށް އެގާނޫނު އަބަދުހެން ތަކުރާރުކޮށް ކިޔަމެވެ. އަބަދުވެސް ބަލަމެވެ. ދިރާސާ ކުރަމެވެ. ހަނދާނުގައި އަބަދުވެސް ބަހައްޓަމެވެ. އަދި އެ ގާނޫނުގައި އެ އޮތްގޮތަށް އިމިގްރޭޝަނުގެ އެންމެހައި ކަންކަމާއި ހުރިހާ އިދާރީ މަސައްކަތެއް ހިންގުމުގެ ކަންތައްތައް ލަސްނުކޮށް ފަށައިގަތީއެވެ.


ހުރިހާ އޮފިސަރުންގެ އެއްބާރުލުން ފުރިހަމައަށް ލިބުނެވެ. އަދި ހުރިހާ ސެކްޝަން ތަކަކަށް ވަކިވަކިން ވިޒިޓްކޮށް ބެލުމަށް ފަހު، އައިޓީ ސެކްޝަނާއި ހުޅުލޭ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް ޖެހިޖެހިގެން ދެފަހަރަކު ހުޅުލެއަށް ގޮސްހުރެ އެތާގައި ކަންހިންގާގޮތް ބަލައިލުމަށް ފަހު، ހަމަހިމޭން ކަންމަތީގައި ދެތިން ހަތަރު ދުވަހު އިނދެ ދިރާސާކޮށް ނިންމާލި އިރު، ބޭނުން ކުރަމުންދާ އިމިގްރޭޝަން ސިސްޓަމަކީ، އަދި ވިސާތައް ބަލަހައްޓާ ސިސްޓަމަކީ، އަމިއްލަ ފަރާތަކުން ބަލަހައްޓަމުން ގެންދާ ސިސްޓަމެކެވެ.


އެފަރާތުން އަމިއްލަ ގޭގައި އިނދެގެން އޭނާއަށް އެ ސިސްޓަމް ތެރެއަށް ވަދެ ހާވައި ބޭނުންނަމެއް ހޯދާއި ސާޗުކޮށް އުނި އިތުރުގެނެސް، އަދި އަންނަ ފުރާ މީހުންނަށް އުނިއިތުރު ކުރެވޭކަން ދެދުވަހެއްގެ ތެރޭގައި ކުރެވުނު ދިރާސާތަކުން އަޅުގަނޑަށް ހާމަވެ، ވަރަށް ސާފުކޮށް އެނގިއްޖެ އެވެ. އަދި އެހެންމެ، އަޅުގަނޑުގެ މޭޒުމަތީގައި ހުރި އެއްސިސްޓަމުން ވެސް ބޯޑަރކޮންޓްރޯލް ސިސްޓަމަށް ވަދެވޭ ކަމާއި އެ ސިސްޓަމުގައި ހުންނަ މައުލޫމާތާއި ކޯޓުއަމުރުތައް ނަގާއި އަދި ވައްދައި އުނިއިތުރު ގެނެވޭކަން ވެސް ސާފުވެ އެނގިއްޖެއެވެ.


އަދި މިސިސްޓަމަކީ، ސީދާ ކޮންޓްރޯލަރ ބޭނުންވާ ޚާއްސަ ސިޔާސީ ކަންކަން ކޮށްލުމަށް އަމިއްލަ މޭޒުމަތީގައި ޚާއްސަކޮށްފައި ހުންނަ ކޮންޕިއުޓަރު ސިސްޓަމެއްކަން ފާހަގަ ކުރެވި ހުރިހާކަމެއްގެ ކަންހިނގާގޮތްބަލާއި ތަޖުރިބާކޮށް ބަލައި ނިނއމައިފީމެވެ. ފަހެ. މި ސިސްޓަމުގެ ހުރިހާ ކޮޕީ ރައިޓްސް އަކާއި ބާރުތައް އޮންނަނީ އެސޯފްޓްވެއަރ ފަރުމާކޮށް ދީފައިވާ މީހާގެ އަތުގައެވެ. އެމީހާ އަކީ އިމިގްރޭޝަން އޮފިސަރެއްނޫނެވެ. އޮފީހުން ބޭރު އަމިއްލަ ފަރާތެކެވެ.


އަދި މި ސިސްޓަމަކީ، ލޭބަރ މިނިސްޓްރީ އިންވެސް ވޯކްޕާމިޓް ހެދުމަށް ބޭނުންކުރާ ސޯފްޓުވެއާކަން ވެސް އަޅުގަނޑަށް ސާފުވެ އެނގުނެވެ. ދެން މިސިސްޓަމަށް އެކްސަސްވެވެނީ، ވަކި ޕާސްވޯޑެއްގެ ދަށުން ހުއްދަ ދީފައިވާ އިމިގްރޭޝަން އޮފިސަރުން ނަށެވެ. އެހެނިހެން ކަންކަން އޮތީ، އައިޓީ ސެކްސަނުން ބަލަހައްޓަމުން ގެންދާގޮތަށެވެ.


އާދެ! ދެން ފަހެ، އަޅުގަނޑަށް ޖެހުނީ، ވަރަށް އަވަހަށް އައިޓީ ސެކްޝަން އިސްލާހުކޮށް ހަމައަކަށް އަޅުވައި އަޅުގަނޑުގެ މޭޒުމަތީގައި ހުރި ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް ވަދެވޭ ކޮމްޕިއުޓަރުސެޓް އެސެކްޝަނަށް ފޮނުވާލައި ކޮންމެ ދުވަހަކު އެ ސެކްޝަނުގެ ހެޑާ އެކު ވާހަކަ ދައްކަމުން އަމިއްލައަށް އިސްލާހީ ފިޔަވަޅުތައް އަޅުވަމުން ގެންދާށެވެ.


އެގޮތުން އެތައް އިސްލާހުތަކެއް އައިޓީ ސެކްޝަނަށް ގެންނަމުން ގެންދިޔައީމެވެ. ދެވަނަ ފަށަލާގައި ތަޖުރިބާލިބި ގިނަދުސްވެފައިވާ އިލްމީ އޮފިސަރުން ސެކްޝަންތަކު ހެޑުންނަށް ހަމަޖެއްސީއެވެ. އެކަމާ އެތާގައި ދުވަސްވީ ބައެއް ބޭކަލުންގެ ނުރުހުން ކުޑަކޮށް ހުރިކަން ފާހަގަ ކުރެވިފައި ވެސް ވެއެވެ. އެހެނަސް އަޅުގަނޑު ދިޔައީ ކުރިޔަށެވެ. ގާނޫނުކިޔަމުން ބަދަލުތައް ގެންނަމުންނެވެ. ގެންނަން ޖެހުނު ބަދަލެއް ޖެހިލުމެއްނެތި އޮފީސް ތެރެއަށް އިމިގްރޭޝަން ގާނޫނު ބުނާގޮތަށް ގެންނަމުން ގެންދިޔައިމެވެ.


ފަހެ، އޮފީސްތެރޭގައި ހޭނިފައި ހުރި ކަންކަން އަޑުއިވި އެނގުމަށް ފަހު، އަޅުގަނޑުގެ އެންމެބޮޑު ކޮންސާން އަކަށް، އަދި އަބަދުގެ އިހުސާސަކަށްވީ، މިކަންކަން ސަލާމަތީ ގޮތަކަށް ހަމައަކަށް އަޅުވާނެ ގޮތެއް، އަދި އެފަދަ މަގެއް އީޖާދުކޮށް ފަހިކުރާނެ މަގެއް ހޯދުމާ މެދުގައެވެ. އިމިގްރޭޝަން ގާނޫނު ގިނަގިނައިންކީ ވަރަކަށް ކަންބޮޑުވުން ދަނީ އިތުރުވަމުން އެވެ. މިގާނޫނު ބުނާ ގޮތުން މިހުރިހާ ކަމެއްގެ ޒިންމާ ބޮލުގައި އަޅަންޖެހެނީ، އަޅުގަނޑު ކޮށްގެން ހުރި ހުވާގެ ދަށުން ސީދާ އަޅުގަނޑެވެ. ދެވަނަ ފަރާތެއް ނޫނެވެ.


މިނިސްޓަރު ޒިންމާވާކަށް އަދި މިނިސްޓަރު ލައްވައި ލިޔުންތަކުގައި ސޮއި ކުރައްވާކަށް ވެސް ނުޖެހެއެވެ. އޮންނަކީ ލަފާހޯދައި ގެން ލަފާޔާ އެކު ގާނޫގާ އެއްގޮތަށް ކުރިޔަށް ގެންދާ ގޮތަށެވެ. ދެން ފަހެ، އަހުރެން ނިޔަތްގަތީ ވީހާ އަވަހަށް އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާށެވެ. ރައީސް ނަޝީދު އަރިހަށް މިވާހަކަތައް އަވަހަށް މިކަން ގެންދާށެވެ.


ފަހެ، މިކަންތައް ރައީސް ނަޝީދު އަރިހަށް އުފުލުމުން ވިދާޅުވީ، ތިޔަކަންކަމަށް އިސްކަމެއް ދީގެން، ގެންނަން ހުރި ބަދަލުތަކާ ދިމާއަށް އަވަހަށް އިލްޔާސް ދާށެވެ. އެ މަސައްކަތައިގެން ކުރިޔަށް ދާށެވެ. ދެން ފަހެ، އެހިސާބުން ދިވެހި އިމިގްރޭޝަނަށް،  މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) މިނަމުގައި މުޅިން އާސިސްޓަމެއް އީޖާދުކޮށް ސަލާމަތީ ގޮތުން ހުރިހާ ފިޔަވަޅުތަކެއް ހިމެނޭ ގޮތަށް ހޯދައި ގައިމު ކުރުމުގެ މަސައްކަތް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން އަލުންބަލުން ފަށައި ގަތީއެވެ.


އާދެ! "އެމްއައިބީސީއެސް" އެއް މޯލްޑިވްސް އިމިގްރޭޝަނު ގައި ގައިމުކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީ މިގޮތުގެ މަތީންނެވެ. މިމަތިވެރި މާތް ނިޔަތުގައެވެ. އެއްވެސް ބާރުހުރި ފަރާތެއްގެ ނުފޫޒަކުން ނޫނެވެ. ސްޓާފުންގެ މަޝްވަރާ އާއެކު އަމިއްލައަށެވެ. ފަހެ، މިތައްޔާރީ ތަކަށް ޕްރޮޖެކްޓެއް ލިޔުމަށް ހެދި ގޮތަކީ، ދެހަފްތާ ވަންދެން އިމިގްޜޭޝަނުގެ ކޮންމެ ސެކްޝަނެއްގައި އެސެކްޝަނަކުން އެދުވަހަކު ކުރާ މަސައްކަތްތަކާއި ދިމާވާ ހުރަސްތައް ނޯޓުކުރަން ފޮތެއް ބޭއްވީއެވެ. އަދި ދިމާވާ މުހިންމު ކަންކަން ވެސް ދުވަހުން ދުވަހަށް ނޯޓުކުރާ ގޮތަށެވެ.


ދެން އެފޮތްތައް ގެނެސް ދިރާސާކޮށްގެން މިސިސްޓަމްގެ ސޯފްޓުވެއާ ލިޔުމުގައި ގެންގުޅެ ހުންނަންވާނެ ފީޗާސްތައް ވަކިވަކިންލިޔެ، އަލުން އިސްވެރިން ތިބެގެން މަޝްވަރާކޮށް ދިރާސާތަކެއް ހެދުމަށް ފަހު ފައިނަލްކުރީ އެވެ. އަދި މިކަމުގައި އެހެން އިދާރާތަކައި މި ސިސްޓަމުން ގުޅިފައި ހުންނަގޮތް ހެދުމަށް، ގިނަ މަސައްކަތް ތަކެއް، އަދި މަޝްވަރާތަކެއް އެހެން ތަންފީޒީ އޮފީސްތަކާ އެކު ކުރީމެވެ. ވަކިވަކިން ޝަރުއީ ދާއިރާއާއި އައިޑީ ކާޑު ޔުނިޓައި ޑިފެންސާއި ފުލުހުންނައި ވެސް މަޝްވަރާ ކުރީމެވެ. އަދި މޯލްޑިވްސް ކަސްޓަމްސް އައި މަޝްވަރާ ކުރީމެވެ. ހުރިހާ ތަންފީޒީ އިދާރާތައް މިކަމުގައި ބައިވެރި ކުރީމެވެ.


ފަހެ، ދެން އެއަށް ފަހު، ފައިނަލްކުރި ޕްރޮޕޯސަލް ރައީސް އޮފީހަށާއި ނެޝަނަލް ޕްލޭނިން އެޖެންސީ (NPA) އަށް ރައީސުލް ޖުމްހޫރިއްޔާގެ މަޝްވަރާ އާ އެކު ހުށަހެޅީ އެވެ. އޭރު ނެޝަނަލް ޕުލޭނިން އެޖެންސީ ހެޑު ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންވެ މި ހުރިހާ ކަމަކީ ރައީސް އިންނަވައިގެން ނިންމުނު ކަންތަކެވެ. އެހިސާބުން ރަސްމީ ބައްދަލުވުންތައް ރަސްމީ ސިފައެއްގައި ރައީސް އޮފީހުގަ އާއި ރިޔާސީ ގަނޑުވަރުގައި ކަމާބެހޭ މިނިސްޓަރުންތައް ތިއްބަވައިގެން ރައީސް ނަޝީދުގެ ރިޔާސަތުގައި ފެށިގެން ހިނގައި ގަތީއެވެ.


އަދި އެމަޝްވަރާތަކުގެ އަލީގައި ރައީސް އޮފީހުން ރަސްމީކޮށް ލިޔުމުން ޖަވާބުގައި އެންގެވީ، އެންޕީއޭ އަށް ޕްރޮޕޯސަލެއް ފޮނުވައި ފާސްކޮށްގެން މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. ދެން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެންޕީއޭ އަށް ރަސްމީކޮށް ލިޔުންތައް ފުރިހަމަކޮށް ފޮނުވުމުން ރަސްމީ ޖަލްސާއެއް ބާއްވައި ރިޔާސަތުގައި ރައީސް ނަޝީދު އަމިއްލަފުޅަށް އިންނަވައިގެން ނިންމެވީ، އެމްއައިބީސީއެސް ބޫޓް (BOOT) ސިސްޓަމުގެ ދަށުން ކުރިޔަށް ގެންދާ ގޮތަށް، މިނިސްޓްރީ އޮފް ފައިނޭންސަށް ލިޔެގެން ކުރިޔަށް ގެންދިއުމަށެވެ.


އާދެ! ބޫޓް ސިސްޓަމަކީ، “build – own – operate – transfer” އެވެ. ޕަބްލިކް ސެކްޓަރ ތެރެއިން ޕްރައިވެޓް ޕާޓީއެއް ލައްވައި ކޮމިޝަން ހޯދައިގެން، ޑިޒައިން ކޮށްދީ، ކޮންސްޓްރަކްޓް ކޮށްދީ، އޮޕަރޭޓްކޮށްދީ، އަދި އެގްރީމަންޓް ކުރެވޭ މުއްދަތުގައި އެގްރީމަންޓްގައި ވާގޮތަށް ފެސިލިޓީސްތައް ގައިމުކޮށްދީ، މެއިންޓަނަސް ކޮށްދީ، ހުރިހާޚަރަދެއް ޕްރޮޖެކްޓު ތެރެއިން ކުރާގޮތަށް ގައިމުކޮށްދީ، އަދި ސިސްޓަމް ހިންގާފައި އެގްރީމަންޓު ނިމުމުން އިމިގްރޭޝަނައި ހަވާލުކުރާ ގޮތަށް ޑިޒައިން ކުރެވުނު މަޝްރޫއެކެވެ.


މިއީ އެތެރެވަރީގެ ގައުމުތަކާއި އެހެން ބައެއް ކުދިބޮޑު ގައުމުތަކުގައި އެކަމަށް ޚަރަދު ކުރާނެ ފައިސާ ބަޖެޓުގައި ނެތުމުން، ނުވަތަ ބަޖެޓުން ޚަރަދުނުކޮށް ހިންގަން ބޭނުންވާބޮޑެތި މަސައްކަތްތައް ކުރުމަށް އީޖާދުކޮށް ފައިވާ ކާމިޔާބު ނިޒާމެކެވެ. ބޫޓު ސިސްޓަމަށް މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާ ގައުމު ތަކުގެ ތެރޭގައި ޕާކިސްތާނު، ތައިލޭންޑް، ޓާކީ، ޓައިވާން، ބަހްރައިން، ސައޫދީ އެރޭބިއާ، ޖަޕާން، އިންޑިއާ، އީރާން، ގުރައިޝިއާ، ޗައިނާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއޫޒިލޭންޑް އަދި ޔޫއެސްއޭގެ ކެލިފޯނިޔާ، ޓެކްސަސް ފަދަ ސްޓޭޓްތައް ހިމެނެއެވެ. ޕާކިސްތާނުގެ "ނޯތްސައުތް ރޭލްވޭ" އަށް ބައްލަވާ ލައްވާށެވެ. ކާމިޔާބުވި މަޝްރޫއެކެވެ. އަދި ސައޫދީ އެރެބިއާގައި ހިންގުނު ބިޔަ ޕްރޮޖެކްޓުތައް ވަރަށްކާމިޔާބެވެ.


އާދެ! މިހުރިހާ ދިރާސާއަކަށް ފަހު، އޭރުގެ މިނިސްޓަރ އޮފް ފައިނޭންސް ސިއްކަ ޖައްސަވައި، އެމިނިސްޓްރީން ބައިނަލް އަގްވާމީ ބިޑަށް ހުޅުވާ ލެއްވީއެވެ. ބިޑަށް އިއުލާނު ކުރުމާއި ޓެންޑަރބޯޑުން ބީލަންތައް ދިރާސާ ކުރުމާއި ހުރިހާކަމެއް ހިންގެވީ، އެމިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަޅުގަނޑުގެ އެއްވެސް ބާރެއްނެތި އެވެ. ދައުރެއް އަދި ތަދައްޚުލު ވުމެއް ނެތިއެވެ.


ދެން މިހުރިހާ ބައިތައް ފުރިހަމަ ކުރުމަށް ފަހު، އިމިގްރޭޝަނަށް ފައިނޭންސް މިނިސްޓްރީން، ލިޔުމަކުން އެންގެވީ ހޮވުނު ފަރާތް ކަމުގައިވާ ނެކްސްބިސް އާއެކު، 1 (އެއް) މަސްދުވަހުގެ ތެރޭގައި އެގްރީމަންޓު ހަދައިގެން ކުރިޔަށް ދިއުމަށެވެ. ބިޑް ކާމިޔާބުކުރި ފަރާތާއެކު އެގްރީމަންޓުގައި ކޮންޓްރޯލަރގެ ހައިސިއްޔަތުން ދިވެހި ސަރުކާރު ތަމްސީލުކޮށް ސޮއިކުރީ އަޅުގަނޑެވެ.


އަޅުގަނޑު މިކަން ގެންދިޔައީ މޯލްޑިވްސް އިމިގްރޭޝަން ޒަމާނީ އަދި ބައިނަލް އަގްވާމީ ފެންވަރަށް ރިފޯމްކޮށް ބޮޑުބަދަލެއް ގެނެސް އިމިގްރޭޝަން ސިސްޓަމްގައި ރެޖިސްޓްރީ ނުވެ، އެއްވެސް ބިދޭސީއަކަށް ރާއްޖޭގައި ނޫޅެވޭނެ ފުރިހަމަ ނިޒާމެއް ގައިމު ކުރުމަށެވެ. އަދި އިމިގްރޭޝަން ތެރެއިން ފޭދިގެން ސަރުކާރަށް ނުވަދެ ބީވެގެން ދާ ފައިސާ ހުއްޓުވުގެ ބޭނުމުގައެވެ. އެމްއައިބީސީއެސް ގައިމު ކުރެވުނު ނަމަ، އެކަން ފުރިހަމަ ކުރެވުނީސްކަން ކަށަވަރެވެ. މޯލްޑިވްސް އިމިގްރޭޝަނަށް ޓޯޓަލް ސޮލިއުޝަނެއް ލިބުނީހެވެ. ޖުމްލަކޮށް ހުރިހާކަމެއް އެއްފަހަރުން ފުރިހަމަ ކުރެވުނީހެވެ.


އަދި ރާއްޖެއިން ވަރަށް ބޮޑު މިންވަރަކަށް ހިއުމަން ޓްރެފިކިންގ، އިންސާނީ ވަގުފާރި ހުއްޓުވުނީހެވެ. އަދި ވޯކްވިސާ ވަރަށް ހަރުދަނާ ކުރެވި އެހެން ގައުމުތަކުގައި ހަދާހެން، ބޭރުގައި ހުންނަ ދިވެހި އެންބަސީތަކުން ހުރިހާ ޑޭޓާއެއް ނަގައި އެންޓާކުރުމަށް ފަހު، ވޯކްވިސާ އިޝޫކުރާ ގޮތަށް ހަމަޖެހިގެން ދިޔައިހެވެ. އޭރުން ގޮތްނޭނގޭ މީހެއްގެ ގޮތުގައި ފިލޭނެ އެއްވެސް ޗާންސެއް އެއިން ބިދޭސީ މީހަކަށް ނޯންނާނެއެވެ. ހުރިހާ މައުލޫމާތެއް ސިސްޓަމްގައި އެއްކުރެވެމުން ދާނެއެވެ. ކޮންމެތާކު ހުއްޓަސް އިމިގްރޭޝަން އޮފިސަރަކަށް އޭނާގެ މޫނު ނުވަތަ ހަންންގަނޑު ސަލާމަތުން ހުރެ ފެނިއްޖެއްޔާ، އެމީހަކު ފެންނައިރަށް އެއީ ކާކުކަން ދަނެގަނެ ވޭނެއެވެ.


ފަހެ، އެތެރެވާ މަސައްކަތު ކޮންމެ މީހެއްގެ ބައޯމެޓްރިކްސް، އެސިސްޓަމުގައި ޖަމާކުރެވި ރައްކާކުރެވި ފޮރުވިފައި ހުންނާނެއެވެ. އިމިގްރޭޝަން އެކުގައި އަނދައިގެން ދިޔަޔަސް ބެކްއަޕެއް ރެޑީކޮށް، ވަގުތުން ބޭނުންކުރެވޭ ފެންވަރުގައި އެހެން ރައްކާތެރި ތާކު ބެހެއްޓިފައި ހުންނާނެއެވެ. އަދި އެސިސްޓަމް ބޭނުން ކުރަމުންދާ ތަންތަނާއި ފަރާތްތައް ވެސް މިނިޓާއި ސިކުންތާއެކު ރީޑިން ބެލެހެއްޓިފައި ހުންނާނެވެ.


ފަހެ، މިސިސްޓަމުގެ ބައޮލޮޖިކަލް، އަދި އެހެންވެސް ޑޭޓާތައް ހުންނާނީ ތަންފީޒީ އިދާރާތަކަށް، އެމްއެންޑީއެފާއި ދިވެހިޕޮލިހަށާއި ދިވެހިކަސްޓަމަށާއި އަދި ޝަރުއީކޯޓު ތަކަށް ބޭނުންވެއްޖެ ނަމަ، ސިސްޓަމް ތެރެއިން އެ އިދާރާއަކަށް ބޭނުންވާ މިންވަރަކަށް ބޭނުންވާ މައުލޫމާތެއް ވަގުތުން ދެވޭގޮތަށެވެ.


އަދި ޝަރުއީ ކޯޓުންނެރޭ ކޯޓު އަމުރުތައް އެފަރާތްތަކުން ސީދާކޮށް އަޕްލޯޑް ކުރެވޭނެ ގޮތަށެވެ. ރާއްޖޭގެހުރިހާ ހިސާބަކަށް އެއްފަހަރައި ބެލޭ، އަދި ބޭނުންކުރެވޭ ގޮތަށެވެ. އޭރުން ކޮންޓްރޯލަރގެ މޭޒުމަތިންނާއި ބޯޑަރުގައި ތިބޭ އޮފިސަރުން ވިޔަސް ކުރާ ހުރިހާކަމެއް ހުންނާނީ ސަލާމަތް ކުރެވި އެއްތަނެއްގައި ރައްކާތެރި ކުރެވިފައެވެ. އޮޅުވައެއް ނުލެވޭނެއެވެ. ފޮހެއެއް ނުލެވޭނެއެވެ.


އޮޅުވައެއް އުނިއިތުރެއް ވިޔަސް ސިސްޓަމް ތެރެއިން ކުރާހުރިހާ ކަމެއް އެނގޭން ހުންނާނެއެވެ. އަދި މިސިސްޓަމްގެ ކޮޅުތައް އެހެން ޒަރޫރީ އިދާރާތަކައި ބިދޭސީންނާ ގުޅޭ އެޖެންސީތަކަށް އަދި ބިދޭސީން ބައިތިއްބާ ގެސްޓުހައުސް ތަންތަނަށް، އަދި ފައިސާދައްކާއި ފޯމްތައްފުރައި އެހެނިހެން ކޯޓާފަދަ ކަންކަމުގެ ތަފްސީލުތައް ދަނެގަނެ، ބޭނުންވާ ހުރިހާ ޚިދުމަތަށް ވަދެވި ބޭނުންކުރެވޭ ގޮތަށެވެ.


ފަހެ، މިޕްރޮޖެކްޓު ފަރުމާކުރެވިފައި ވަނީ، އެގްރީމަންޓުގެ މުއްދަތުގައި އެއްވެސް އިތުރު ޗާޖަކާއި ފީއެއް އެއްޗެއް ނުނަގައި ސޯފްޓުވެއާއަށް ގެންނަން އިމިގްރޭޝަނަށް ބޭނުންވާ ހުރިހާ އިދާރީ ބަދަލުތަކެއް ދުވަހުން ދުވަހަށް އަބަދުވެސް ދުނިޔޭގެ އެންމެ ފަހުގެ އީޖާދީ ފެންވަރަށް ފަސޭހައިން ގެނެވޭ ގޮތަށެވެ.


އަދި ކޮންމެ ތިންއަހަރަކުން ބޭނުންކުރާ ހުރިހާ ކޮންޕިޓަރުތަކާއި ޕްރިންޓަރު ފަދަ، ހުރިހާ އެކިއުޕްމަންޓްތައް ވެސް ފަހުގެ ޒަމަނީ ފެންވަރަށް އާކޮށްދޭ ގޮތަށެވެ. އަދި އެގްރީމަންޓުގެ މުއްދަތު ހަމަވެގެން މޯލްޑިވްސް އިމިގްރޭޝަނަށް އޯނަރޝިޕް ޓްރާންސްފަރ ކުރާއިރު ހުރިހާއެއްޗެއް ފުރަތަމަ ދުވަހެކޭ އެއްގޮތަށް، އަދި އިމިގްރޭޝަނުން ބުނާ ކޮލިޓީ އާއި ފެންވަރަކަށް އާކޮށްދޭން ޖެހޭނެއެވެ.


މިއީ ދިވެހި ދައުލަތުގެ ޚަޒާއިން އެންމެ ފައިސާފޮއްޗެއް ވެސް ޚަރަދު ނުކޮށް އެގްރީމަންޓު ހަމަވާ ދުވަހު، ބަރާބަރު ވިހިއަހަރަށް ފަހު ފުރިހަމަ ޒަމާނީސިސްޓަމެއް ދިވެހި އިމިގްރޭޝަނަށް މިލްކުވާނެ މަޝްރޫއެކެވެ. އެހެނަސް ވަގުފާރީގެ މާފިއާ ބޮޑުންގެ ބަޔަކު މީހުން އަޑީގައި ތިބެގެން ހިންގަމުންދާ ވަގުވިޔަފާރީގެ ބިޔަ ނެޓުވޯކެއް އެކުގައި ހުއްޓިގެންދާނެތީ މިކަމުގައި އަހުރެންގެ ބޮލުގައި ސިޔާސީގޮތުން ވަގު ބަދުނާމާއި ދޮގުތުހުމަތު އަޅުވައި މި މަޝްރޫއު ހުއްޓުވާލީއެވެ. އަދި އޭގެ ބަދަލަށް ފަނަރަ މިލިޔަން ޑޮލަރު ދައުލަތުން އެކުންފުންޏަށް ބަޔަކު ދެކޮޅުން ކައިފައި ދިނީއެވެ. މިއީ ހަމަ ތެދު ހަގީގަތެވެ!!


ދިވެހިންގެ ހުރިހާ އައިޑީކާޑު ތަކާއި ވިހާމަރުވާ ދަފްތަރާއި އުފަންދުވަހުގެ ސެޓިފިކެޓްތައް ވެސް ބޭނުންވެއްޖެ ހިންދެއްގައި މި ސިސްޓަމުން އިޝޫކުރެވޭ ގޮތަށެވެ. އަދި ދިވެހިޕާސްޕޯޓު ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ، ހުރިހާ ސަރަހައްދީ ހިސާބަކުން މިހާރަށްވުރެ މޮޅު ކޮލިޓީގައި މިހާރަށް ވުރެ މާއަގުހިޔޮކޮށް އިޝޫ ކޮށްދެވޭ ގޮތަށެވެ.


އަދި، އިމިގްރޭޝަން އޮފިސަރުންގެ މޯބައިލް ފޯނުންނާއި ލެޕްޓޮޕްތަކަށް އަޅައިދެވޭ ސޯޕްޓުވެއާ އަކުން މަގުމަތީގައި އުޅޭ ބިދޭސީންނައި ދިމާވުމުންނާއި އެމީހުންގެ ލިޔެކިޔުންތަކުން އެއީ ކާކުކަން ވަގުތުން ދަނެގަނެވޭނެ ގޮތަށެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އޭނާރާއްޖެ އެތެރެވި އުޅަދާއި ޕޯޓާއި ދުވަހާއި ގަޑިއާއި އޭނާހުރި ހާލަތެއް ސާފުކޮށް އޮފިސަރަށް ދަނެގަނެ އެނގޭނެއެވެ. ވިސާގެ ކޮންޑިޝަންތައް ދަނެގަނެ ވޭނެއެވެ. އަދި އޭނާ އަކީ މިސިސްޓަމުގައި ނެތް މީހެއްކަން އެނގޭ އިރަށް އޭނާގެނެސް އޭނާގެ ވަނަވަރުތައް ސިސްޓަމަސް ވެއްދޭނެއެވެ.


އާދެ! މިސިސްޓަމް ގައިމު ކުރުމުގެ ކުރިން ރާއްޖެ އެތެރެވެފައިވާ މީހުން ވެސް ވަގުތުން ދަނެގަނެ ފާހަގަވާނެއެވެ. އެފަދަ މީހަކު ދިމާވެއްޖެ ނަމަ، އެހިނދު އޭނާގެ ވަނަވަރު ނެގޭނެ ގާބިލްކަން ސިސްޓަމުގައި ހުންނާނެއެވެ. ނޫނީ އޭނާހިފާއްޓަން ޖެހޭ މީހެއްކަން ދަނެގަނެވޭނެ އެވެ. އަޅުގަނޑު ނިންމާފައި އޮތީ މިގޮތަށް ރާއްޖޭގައި ފިލައިގެން އުޅޭ އެންމެންގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ހިސާބަކުން އެއްކޮށް ހޯދައި އެއްއަހަރު ދުވަހުގެ ތެރޭގައި އެސިސްޓަމަށް އެންޓާކޮށް ނިންމާލާ ގޮތަށެވެ.


އޭރުން ބިދޭސީންގެ ހިސާބުތައް އެންމެ ފުރިހަމަ އަށް ސަރުކާރުން ބަލަހައްޓާއި ކޮންޓުރޯލު ކުރުމުގެ މަގު ހުޅުވި އެގާބިލުކަން ލިބިގެން ދާނެއެވެ. ދައުލަތަށް އެމީހުންގެ ފަރާތުން ވިސާއަށް ވަންނަން ޖެހޭ ހުރިހާ ފައިސާއެއް ޖަމާވޭތޯ ބެލޭނެއެވެ. އެހެނަސް ހިތާމައަކީ، މިކަންކަމަށް ނަޒަރުކުރި އިސްފަރާތެއް ސަރުކާރުގެ ބޮޑުންގެ ތެރޭގައި ނެތުމެވެ. ޑިފެންސްގައި ހުންނެވި މިނިސްޓަރު ނާޒިމް ވަރަށް ގާތުން މިސިސްތަމް ބެއްލެވިއެވެ. އަދި ވަރަށް ފުރިހަމަކަމަށް އެއްބަސްވެ ލެއްވިއެވެ. އެހެނަސް މިސިސްޓަމް ހުއްޓުވާއި އެމެރިކާގެ ސިސްޓަމެއް ގެންނަން ނިންމީ މި ކާނަލެވެ. އަމިއްލަ ފައިދާއަށެވެ.


އިންސާނުން ގަނެވިއްކުމުގެ ވިޔަފާރި ކުރިޔަށް ގެންދަން ބޭނުންވި ސިޔާސީ ބޮޑުން ބައިވަރު ތިއްބެވެ. އަދި ސިޔާސީ ނުފޫޒު ހުރި ބައެއް ފަރާތްތަކުން ބޭނުންވީ، މި ޕްރޮޖެކްޓުން ނާޖާއިޒު ފައިދާތައް ބޮޑުކޮށް ލިބޭނެ ކަމަށް ލަފާކޮށް އެ މަޝްރޫއުގެ ތެރެއަށް ވަންނާށެވެ. ވީހިނދު އަޅުގަނޑަކީ މިޒާތުގެ ބޮޑުންގެ ބާރުތަކާ ގުޅުންބާއްވައި ސައްލާކޮށް ޑީލްތައް ހެދުމަށް ވަރަށް ނުރުހޭ، އަދި އެހާމެ ނަފުރަތުކުރާ މީހަކަށް ވާތީ، މިފަދަ ބޮޑުންގެ ބާރުތަކުން ނިންމީ އަޅުގަނޑުގެ ދުވަސް ދުއްވާލާށެވެ. ސިޔާސީގޮތުން ކަތިލާށެވެ!


މީގައި އިސްކޮށް ތިބީ ޖަނގިޔާ ނާޒިމާ އޭނާ އޭރު މަޝްވަރާ ހޯއްދަވާ ރައީސްޔާމީނެވެ. މިހާރުވެސް ރައީސް ޔާމީނު މިމައްސަލަ ގެންގުޅުއްވަނީ، އިންޑިއާގެ ޖީއެމްއާރަށް ދިވެހިމައިދޮށާރި ވިއްކާލުމާ އެއްހަމަ ކުރައްވައިގެންނެވެ. އިމިގްރޭޝަނުން ނާޒާއިޒު ގޮތުގައި އެންމެ ބޮޑެތިފައިދާ ލިބިގަތް ފަރާތްތަކުގެ ތެރޭގައި ޖަނގިޔާ ހިމެނެއެވެ. ޖަނާވެސް ގިނަ ބިދޭސީން އެތެރެ ކުރިއެވެ. މިމީހުންނަކީ ހެސް ކިޔާފައި ބިދޭސީން ގެނެސް އެތެރެކޮށް ވަގުފާރި ބޮޑުކޮށް ހިންގި ފަރާތްތަކެވެ. ބޮޑެތި ބައެއް ކުންފުނިތަކުން ވެސް މި ވިޔަފާރި ހެސްކިޔާފައި ހިންގިއެވެ.


އަޅުގަނޑަށް މި މަސައްކަތް ކުރެވިދާނެކަން ޔަގީންވި ހިސާބުން، އިސާހަތަކު ސިޔާސީ ޕްރޮޕެގެންޑާ އެއްގެ އޮއިވަރުގައި ސަރުކާރުގެ އިސްފަރާތްތައް ރަނގަޅަށް ޖެހި، މިސިސްޓަމާއި އަޅުގަނޑު، އިމިގްރޭޝަނުން ނެރެ ބޭރުކޮށްލީ އިންތިހާއަށް ހުތުރުކޮށް އެއްވެސް އިންސާފެއް ނެތިއެވެ. ބޮޑު ސިޔާސީ ކުޅިގަނޑެއް ގޮތުގައެވެ. ރައީސް ނަޝީދަށާއި ރައީސް ވަހީދަށް ޖެހުނީ މިމައްސަކަ ބުރެކި ޖައްސާފައި ރައީސް އޮފީހުން ފަހުބަހެއް ނުނެރެ ބާއްވާށެވެ. ރައީސްވަހީދު އަރިހަށް ރައީސްއޮފީހުގެ ޕޮލިސީ ސެކްޝަނުގެ ހެޑު އެތައް ފަހަރަކު މި މައްސަލައިގެ ފައިލް ހިއްޕަވައިގެން ވަޑައިގެން މިމައްސަލަ ނިންމާލަން އެދުމުން ވެސް ރައީސް ވިދާޅުވަމުން ގެންދެވީ އަދި މަޑުޖައްސާލާށެވެ. މިޚަބަރު އަހުރެންނަށް ދެއްވީ ސީދާ އެސެކްޝަނުގެ އޭރުގެ ހެޑެވެ.


މަގުމަތީ ގްރޫޕްތައް ލައްވައި ޕެޓިޝަންތައް ވެސް ރައީސް އޮފީހަށް ގެނުވާ ހެދީއެވެ. އަޅުގަނޑު ފެންނަތާކުން މަގުމަތިން ހަޅޭލަވާ އޭތިމީތި ގޮވާއި ހެދުވިއެވެ. އިމިގްރޭޝަން ކުރިމަތީގައި އަޅުގަނޑު ނުކުންނަ އިރު ތިބެ މުޒާހަރާ ކުރުވީއެވެ. މިކަންފެށުވީ ވަގުފާރީގައި ތިއްބެވި ސަރުކާރުގެ ބޮޑުން އަޑީގައި ތިބެގެންނެވެ. އެހެނަސް، ބޭރުފުށުގެ ހަގީގަތަކީ ރައީސް ނަޝީދު އައި ހަމައިން މިޕްރޮޖެކްޓު ދިފާއުކޮށް ދެއްވިކަމެވެ. އަދި ކެބިނެޓުން ދެފަހަރެއްގެ މަތީން މިކަންކުރިޔަށް ގެންދިއުމަށް ފާސްކުރައްވައި ނިންމެވިއެވެ.


އެއީ އޭނާ ގެންގުޅުއްވި ފާޑެއްގެ އޮޅުންބޮޅުން ސިޔާސަތަކަށް ވެސް ވެދާނެއެވެ. ނޫނީ ހަގީގަތުގައި އަޅުގަނޑުގެ ގޮތާއިފޮތް ވަރަށް ރަނަގަޅަށް ރައީސް ނަޝީދު ދަނެވަޑައި ގަންނަވާތީ، އަދި އޭނާ ފެއްޓެވި އާ މަޝްރޫއެއް ކަމަކަށްވާތީ، ހެޔޮނިޔަތުގައި ކުރައްވި ރަނގަޅު ކަމަކަށް ވެސް ވެދާނެއެވެ.


އެހެނަސް އަރިހުގައި ވަރުގަދަކޮށް ތިބިބަޔަކާއި އިދިކޮޅު މީހުން، ޚާއްސަކޮށް ރައީސް ޔާމީނު ފަޅިން މި ޕްރޮޖެކްޓައި ޖީއެމްއާރުގެ މަޝްރޫއާ އެއް ފެންވަރެއްގައި ނެންގެވީއެވެ. އަދި ވެރިކަމަށް އެރުމަށް ދުރާލާ ފަރުމާކުރި ރޭވުންތައް ކާމިޔާބު ކުރުމަށް ގެންގުޅުއްވި އެންމެ ވަރުގަދަ ހަތިޔާރުގެ ގޮތުގަ މި ދެ މަޝްރޫއުގެ ކަންތައް ގެންގުޅުއްވީއެވެ. ހަގީގަތުގައި ޖީއެމްއާރު މަޝްރޫއު އާ މިއީ އަޅުވާ ނުކިޔޭނެ މަޝްރޫއެއް ނޫނެވެ. މިއީ މުޅިން ތަފާތު ދެވައްތަރެއްގެ ދެގޮތަކަށް ފަރުމާލކުރެވުނު ދެ ކަމެކެވެ. އޭނާ އަރިހުގައި ތިއްބެވި އޭނާގެ ފިކުރާއެއްގޮޔް ޚިލާލު އެމްޕީން ލައްވައި، ރައްޔިތުންނަށް ވަރަށް ބޮޑަށް މި މަޝްރޫއު ދަނެނުގަނެ ބޮޑުކޮށް އޮޅުވާ ލެއްވިއެވެ. އެމްޕީ (ޖަނގިޔާ) ނާޒިމް ލައްވާ މިކަންތައް މަޖިލީހުގެ ތަޅުމަށް ވައްދައިގެން ވޯޓެއް ވެސް ނެގުވިއެވެ. ފަހެ، މި މީހުންނަކީ ވަގުފާރީގެ ރަހަ ލިބިފައި ތިބި އިސްފަރާތްތަކެވެ.


އަދި އެފަދަ ބޮޑުންގެ ގުރޫޕުތަކުން، ރައީސް ނަޝީދަށް، ރައީސް ވަހީދަކީ ހުރި ބޮޑު ބިރެއްގެ ގޮތުގައި ސިފަކޮށް ދައްކަވައިގެން ކުރިއެރުމާއި ނޭނގޭ ގުޅުންތައް އަޑިއަޑިން ހިންގަވަމުން ގެންދިޔަކަން މިއަދު ސާފުވެއެވެ. އޭގެ ތެރޭގައި ރައީސް އޮފީސްތެރޭގައި ގާނޫނީމާހިރެއްގެ ގޮތުގައި ހުންނެވި އިބުރާ އަކާއި އޭނާފަޅިން އައިސް ލޭބާ މިނިސްޓުރީގައި ހުންނެވި ހަސަންކޮ މިނިސްޓަރަކީ އަމިއްލަ ފައިދާއަށް ބިދޭސީންގެ ކަންތައް ގެންދަންބޭނުންވި ފަރާތްތަކެވެ. ކުރީން މިފައިދާގަނޑު ނެގި މީހުން ގޮތަށް މިމީހުން ވެސް ބޭނުންވީ އެކަން އެގޮތަށް ހުޅުވިފައި ބާއްވާށެވެ. އެހެންވެ މިގުރޫޕަކީ ވެސް މިމަޝްރޫއާ ވަރަށް ދެކޮޅު ހެދިފަރާތްކެވެ.


އަހުރެންނަށް ޖެހެނީ ކޮންމެ މީޓިންގ އެއްގައި މިމީސްމީހުންނަށް ކުރުދޮށިން ދޭށެވެ. ރައީސް އަންނި އިންނަވާނީ ހިނިފުޅު ވޮޑުވާށެވެ. އަދި ރައީސް ވަހީދު އިރުގައި ކުރީކޮޅު އަހުރެންނަށް ޖެހުނީ މިއެންމެނާ ޖަދުލުކޮށް މިސިސްޓަމް ގެންނަން އަރާރުން ވާށެވެ. އެހެނަސް މިކަމުގެ ގައުމީ ފައިދާއަށް ނުބައްލަވާ ނަޒިމާއި ޖަމީލާއި އާޒިމާމެން ފަދަ މިނިސްޓަރުން ވެސް ބޭނުންވީ ވަގުތުން ހުއްޓުވާލާށެވެ. އަދި ބަދަލު ދިނުމުގައި ދެކޮޅުން ކާއި ބަނޑު ފުރޭތޯ ބަލާށެވެ. ނަތީޖާ އަކަށްވީ ރައީސްވަހީދު މި މަޝްރޫ ހުއްޓުވާލެއްވުމެވެ. ވަރަށް ދެރައެވެ. އެއްވެސް ހާލެއްގައި މިއީ ޖީއެމްއާރު ފަދަ މަޝްރޫއެއް ނޫނެވެ. ހަގީގަތްތައް ހޯދާއި ބައްލަވާށެވެ.


ފަހެ، އާޚިރުގައި މިޕްރޮޖެކްޓަށް ވީ ގޮތަކީ، ޝަރުއީ ކޯޓުތަކަށް ވައްދައި ނިންމަން ޖެހުނީއެވެ. އޭސީސީން ގެންދިޔަ ހުރިހާ ތަކެއްޗެއް އަނބުރާ ނެކްސްބިސަށް، 7 ދުވަހު ތެރޭގައި ރުޖޫއަކުރުމަށް ހުކުމްތައް ނެރޭށެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އަޅުގަނޑު ކުރިޔަށް ގެންދިޔަ އެއްބަސްވުމުގެ ސޮޔަކީ ސައްހަ ސޮއެއް ކަމުގައި ނިންމަވާ ހުކުމް ކުރައްވާފައެވެވެ.


ސުޕްރީމްކޯޓުން ބޯޑާކޮންޓުރޯލް ސިސްޓަމް މައްސަލަ ނިންމެވިގޮތް
ސުޕްރީމްކޯޓުން ބޯޑާކޮންޓުރޯލް ސިސްޓަމް މައްސަލަ ނިންމެވިގޮތް

އަދި ޖީއެމްއާރާއި ނެކްބިސް ކުންފުނިން ބައިނަލް އަގްވާމީ އާބިޓްރޭޝަނަށް މައްސަލަ ހިފައިގެން ބަދަލުހޯދުމަށް ދިއުމެވެ. މިހާރު ޖީއެމްއާރު ޝަރީއަތް ވަނީ ނިމިފައެވެ. ނެކްބިސް ކޭސް އަދި ނުނިމި ސިންގަޕޫރުގައި ކުރިޔަށް ދަނީއެވެ. ޖީއެމްއާރު ގަޒިއްޔާގެ ނަތީޖާއަށް ބަލާފައި އަޅުގަނޑަށް ހީވަނީ، ނެކްސްބިސް ކުންފުނިން ކުރި މަސައްކަތާއި ގަތް ސާމާނުތަކާ އެކު، 50 މިލިޔަން ޑޮލަރުވަރު ބަދަލަކަށް ނަގައިދޭން ޖެހޭނެ ހެންނެވެ. ވަރަށް އަވަހަށް އެނިޔާ އަންނާނެއެވެ. ސަރުކާރުން އެބަދަލު ދިނުމަށް ހުކުމްކުރާނެއެވެ. ހިތާމަހުރި ދެރަކަމެކެވެ.


އާދެ! އެމްއައިބީސީއެސް އަށް އެގްރީމަންޓުގެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. އެއީ އެވައްތަރުގެ މަޝްރޫއު ރާވާ ގޮތެވެ. ނޫސްވެރިން އެވާހަކަތައް ގެނެސްދިނީ ބަލަންވާވަރަށް ނުބަލައި އިދިކޮޅު މީހުން ދެއްކި ވާހަކަތައް ގޮތްގޮތަށް އަނބުރައި ގެންނެވެ. ހަގީގަތް އޮޅުވާލައިގެންނެވެ.


ރާވާފައި އޮތް ގޮތަކީ އެކުންފުންޏަށް ކޮންމެ އަހަރަކު އެމީހުންނަށް ދައުލަތުން ދޭނީ، އެސިސްޓަމް ތެރެއިން އަންނަ ކޮންމެ މީހަކާއި ފުރާކޮންމެ މީހެއްގެ އަތުންނަގާ، ޑޮލަރު ފީގެ ތެރެއިން، ދެ 2 ޑޮލަރާއި ތައްޔާރުކުރާ ވޯކުވިސާކާޑުން ނަގާ، 15 ޑޮލަރެވެ. މިއިން ކާޑެއްގެ މުއްދަކީ، އިމިގްރޭޝަނަށް ބޭނުންވާ ވަރެއް ހަމަޖެއްސޭނެ ކަމެކެވެ. ފަސްއަހަރު ވިއްޔާ ފަސްއަހަރެވެ. ދިހައަހަރުވިއްޔާ ދިހަ އަހަރެވެ. މިހާރު މިހަދައި ދެމުން ގެންދަނީ، 5 އަހަރެވެ.


މުއްދަތު ހަމަވުމުން، އަދި ގެއްލިގެން އަލުން ހަދައިދެވޭނީ ޖޫރިމަނާއަކާ އެކުއެވެ. ޖޫރިމަނާ ފައިސާ ލިބޭނީ އަބަދުވެސް ދައުލަތަށެވެ. އަދި، އެކުންފުންޏަށް ދައުލަތުންދެވޭ ފައިސާއިން، 05% ގެ ރޮޔަލްޓީއެއް ނެކްސްބިސް އިން ދައުލަތަށް ދައްކަން ޖެހޭނެއެވެ. ފަހެ، މިފައިސާ ހޯދާނީ ރާއްޖެ އަންނަ އަދި ފުރާ ބިދޭސީންގެ އަތުން މިހާރު ޗާޖުކުރާ މިންވަރަށް ކުޑައެއްޗެއް އިތުރުކޮށް ލައިގެންނެވެ. އޭރުއޮތް ހަޑޮލަރު، ބާރަ ޑޮލަރަށް ހެދީވެސް ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމުގެ މާތް މަގްސަދުގައި އެބަހަނާ ދައްކާފައެވެ.


އަދި އަމުދުން މިއަދު އަޑުއިވިގެން މިދިޔައީ، މިއިން މީހެއްގެ އަތުން، ދިވެހީންނާ އެކު، ފަންސަވީސް ޑޮލަރު ނަގާނެ ވާހަކައެވެ. އެގޮތަށް ބިލެއް ފާސްކުރި ޚަބަރެވެ. ގާނޫނެއް ހެދި ޚަބަރެވެ. ފަހެ، ފަންސަވީސް ޑޮލަރަށް މަތިކޮށް މިކަން މިކުރެއްވި މީހަކީ، އޭރު އެންމެބޮޑަށް މިޕްރޮޖެކްޓު މިގޮތަށް ނަގާ ކޮމިޝަނުން ހިންގަން އެންމެ ހުރަސްއެޅުއްވި މީހާ، ރައީސް ޔާމީނުގެ ޒައާމަތުގައި އޭނާގެ އޯޑަރަށެވެ. މިބިލް ފާސްކޮށްދިނީ، މަޖިލީހުގައި ތިއްބަވާ ރައީސް ޔާމީނުގެ ސިޔާސީ އެޖެންޓުން ފަދަ އެމްޕީންނެވެ. މިހާރު، 25 ޑޮލަރު ނެގުން މުޅިން ބަރާބަރުވީއެވެ. ބާރައިން ފަންސަވީހަށް ބަދަލުކުރީއެވެ. ވެރިކަމުގެ ލައްޒަތު ފެނުނީމާ މުޅިން ބަރާބަރުވީއެވެ.


ފަހެ، މިދެންނެވި ކޮމިޝަން ފައިސާ ފިޔަވައި އެނޫން ފައިސާއެއް އެކުންފުންޏަށް ދިވެހި ދައުލަތުން އެގްރީމަންޓުގެ މުއްދަތު ކަމުގައިވާ، 20 އަހަރު ދުވަހަށް ދޭކަށް ނުޖެހޭނެއެވެ. ބޫޓު ސިސްޓަމުން ބޮޑެތި ބިޔަ މަޝްރޫއުތައް ފަރުމާކޮށް ހިންގުމުގެ ހަގީގީ ބޭނުމަކީ މިއީއެވެ. އަދި އިމިގްރޭޝަނަށް އެކިގޮތްގޮތުން ވަންނަ ހުރިހާ ފައިސާއަކީ ކުރިއެކޭއެއް ގޮތަށް ދައުލަތުގެ އާމްދަނީއަށް ވައްދަމުން ގެންދާނެ ފައިސާއެވެ.


ޕާސްޕޯޓު ޖޫރިމަނާ އާއި އެހެނިހެން ވިސާތަކުގެ ހުރިހާ ޖޫރިމަނާ އަކީ ވެސް ދައުލަތުގެ އާންމުދަނީއަށް އިހުނެކޭ އެއްގޮތަށް ވަންނަމުން ދާނެ ދައުލަތުގެ އާމްދަނީ އެކެވެ. އަދި ވާހަކަ ދެކެވި ހަމަޖެހިފައި އޮތީ، ހުރިހާ ދިވެހީންނަށް ފުރަތަމަ ފަހަރު އެއްބަސް ވެވޭ ފެންވަރެއްގެ ސެކިއުރިޓީ ކަންކަން އެކުލެވޭ އައިޑީކާޑެއް އިލެކްޓްރޯނިކް ކާޑަކަށް ވިޔަސް ހިލޭ ދައުލަތުން އެދޭ ފެންވަރެއްގައި ހަދައިދޭ ގޮތަށެވެ.


ވަކިބައެއް ވަގުފާރީގެ ނާޖާއިޒު ފައިދާ ނަގަމުން ދިއުމަށް އެމަގު ހުޅުވާފައި ބޭއްވުމަށްޓަކައި، މިފަދަ މާތް މަގުސަދެއްގައި އެކުލަވާލެވުނު ޕްރޮޖެކުޓު ފެއިލްކޮށް އަހަރެން ސިޔާސީ ގޮތުން ކަތިލައިލީއެވެ. ދެރަ ދެވުނީ ލޮބުވެތި މި ގައުމަށެވެ. އަހުރެންނަކަށް ނޫނެވެ. އަދި ވެސް އަހުރެން، ﷲގެ ރަހުމަތުން މިހުރީ ސަލާމަތުންނެވެ! ﷲގެ ފުޅާ ރަހުމަތުގައެވެ!


އާދެ! އެއަށް ފަހު، ދެން ދައުލަތުން އެދިގެން އިތުރަށް ހަދައިދޭން ފަށާ އާ އައިޑީކާޑުތަކަށް އެގްރީމަންޓުގެ ދަށުން އެކުލަވާލާފައިވާ، ދެފަރާތުގެ (އިމިގްރޭޝަން އަދި ނެކްބިސް) މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީން އެއްބަސްވާ އަގެއް ދައުލަތުން އެގޮތަށް އެމަސައްކަތް ކުރިޔަށް ގެންދަން ބޭނުން ވެއްޖެނަމަ، ފަހެ، އެހިނދެއްގައި ހަމަޖައްސައި ދެވޭ ގޮތަށެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުގެ، 200 (ދުއިސައްތަ) އޮފިސަރުންނަށް ސްޓިއަރިން ކޮމެޓީން މަޝްވަރާކޮށް ނިންމާ ގޮތުގެ މަތީން އެކިއެކި ފެންވަރުތަކުގެ ކޯސްތައް ޑިގްރީ ފެންވަރު އެކުލެވޭ ގޮތަށް ހިލޭ ހޯދައިދޭ ގޮތަށެވެ.


ހިތާމަކީ މިއިންކަމަކަށް ނަޒަރު ކޮށްލުމެއް ނެތި، އަޅުގަނޑާއި އިމިގްރޭޝަންގެ ފަރާތުން ޖަވާބުދާރީ ކުރުވުމެއް އޭސީސީންނާއި ރައްޔިތުންގެ މަޖްލިސް ކޮމެޓީން، އެއްވެސް މަރްހަލާއެއްގައި ނުގެންގުޅެ، އަދި އެފަދަ ފުރުސަތެއް ނުދީ،  އަދި އަޅުގަނޑަށް މީޑިއާ ބްލޮކްކޮށް ހުރިހާ ކަމެއްކޮށް ނިންމާލުމެވެ. އުއްޗުއެއް ކިޔާމީހަކު ދިޓީވީ ސްޓާފުން ލައްވާ މިކަންތައް ސިޔާސީކުރީ، މިއިންކަމަކަށް އެއްވެސް ނަޒަރެއް ކޮށްލުމެއް ނެތިއެވެ. ހަގީގަތުގައި މިއީ އެމީހުން ރިޒޯޓުތައް އެ ބިނާ ކުރާގޮތަށް ވުރެ ދައުލަތަށް ފައިދާ މާ ބޮޑު ގޮތެކެވެ. ދެންފަހެ، މިއަށް ކިޔާނެ ނަމަކީ ސިޔާސީ ކަތިލުމެވެ. ދެވަނަ ނަމެއް ނޫނެވެ.


އޮޅުން ފިލުވާލުމެއް އެއްވެސް ހަގީގީ މައުލޫމާތެއް ނެތި، ދިޓިވީ މެދުވެރިކޮށް އޭނާވެސް ނެގީ ސިޔާސީ ފައިދާއެވެ. ފަހެ، އޭނާގެ ރިޒޯޓުތަކާ އަޅާބަލާއިރު މިޕްރޮޖެކްޓުން ދައުލަތަށް މާބޮޑަށް ފައިދާ ވާނެއެވެ. ފަހެ، ދަންނާށެވެ! ދައުލަތަށް ގެއްލިގެން މިދިޔައީ ސަލާމަތީގޮތުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބިނާކުރެވުނު ހަކަތައިގެ ވަރުގަދަ ފާރެކެވެ. ވަރަށް ވަރުގަދަ އަށް ހަރުދަނާ ޒިންމާދާރު ކޮށް، ތާއަބަދަށް އެމަޝްރޫއެއްގެ ކާމިޔާބީތައް ހަނދާނުން ފޮހެ ނުލެވޭނެ ފަދަ ދިވެހި ރާއްޖެއަށް އަނބުރާ ނުހޯދޭ ވަރުގެ ބޮޑު ފުރުސަތެކެވެ.


އަދި ވެގެން އެ ދިޔައީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކޭ ވެސް ދެންނެވި ދާނެއެވެ. އަދި ބައިނަލް އަގުވާމީ އާބިޓްރޭޝަނުން ނެކްސްބިސް އަށް ބަދަލު ދޭންޖެހިއްޖެ ނަމަ ވާގެއްލުން އިތުރަށް ބޮޑުވެގެން ދާނެއެވެ. މަދު ވެގެން، 15 މިލިޔަން ޑޮލަރު ބައިތުލް މާލުން ހިލޭ އޮތް ޕުރޮޖެކްޓަކަށް ދޭންޖެހޭނެއެވެ. އެދުވަހަކުން މިޕްރޮޖެކްޓުގު އަގު ވަޒަންކުރަން މާބޮޑަށް ފަސޭހަ ވާނެއެވެ.


އާދެ! މި ޕްރޮޖެކްޓުގެ ފެއިލް ކޮށްލުމުގެ ފަހަތުގައި ފޮރުވިފައި އޮތީ، މަދުބައެއްގެ އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލް ކުރުމެވެ. ވެރިކަމަށް އަރައި އަލުން މިޕްރޮޖެކްޓު ތަކުން ބޮޑު ފައިސާގަނޑެއް ނެގުމުގެ ވިހަގަދަ ޒަހަރުގެ އުންމީދެވެ. އަޅުގަނޑު ދަންނަވާނީ ހަމަ ފައިސާއަށް ދަހިވެތިކަން ބޮޑީ ކަމުގައެވެ. ގައުމީ ވިސްނުމަށް ވުރެ އަމިއްލަ އެދުން އިސްކުރެވެނީ ކަމަށެވެ. ފަހެ، މިއީ މި ސިސްޓަމާބެހޭ ކުރުޚުލާސާ އެކެވެ. އަޅުގަނޑުގެ ދުލުން މިހާ ތަފްސީލު ކުރާ މިއީ ފުރަތަމަ ފަހަރެވެ.


ފަހެ، މިކަމާގުޅޭ ގޮތުން މާލޭގައި ހިންގުނު ހުރިހާ ޝަރީއަތެއްހެން ވަނީ ނެކްސްބިސް ކޮޅަށް މިހާރު ނިމި އެކުންފުންޏަށް އިންސާފު ލިބިފައެވެ. ނުނިމި އޮތީ ޖިނާއީ ކޯޓުގައި އަދި ވެސް ކުރިޔަށް ހިންގަމުންދާ ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުލާފައިވާ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ނަގައިދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އުފުލި ފަސާދައާއި ކޮރަޕްޝަނުގެ ނާޖާއިޒު ދައުވާއެވެ. ފަހެ އެދައުވާ ޕީޖީން އަނބުރާ ގެންދިއުމަކީ އެންމެ އެކަށިގެންވާ ގޮތެވެ. އެކަން ނިމި ދާނީ އެގޮތަށެވެ. ޕީޖީ އަހުމަދު ވިދާޅުވެފައި ވަނީ އަހުރެން ގާތު މިއީ ސާބިތު ނުކުރެވޭނެ މައްސަލައެއް ކަމުގައެވެ.


2011 އިން ފެށިގެން އަދިވެސް އޮތީކުރިއަށް ހިނގަހިނގަ އެވެ. ނިމޭނެ ދުވަހެއް ނޭނގެއެވެ. އެކި ގާޒީން ބަދަލުވެ އަލުންފަށައެވެ. އަދި މައްސަލަ ނިންމުމަށް އަޑިން ނަގުދު ފައިސާއަށް އެދޭ ފަރާތްތައް ބައްދަލުކޮށް ހަދާފައިވެއެވެ. ދިވެހިންގެ ތިންފަރާތަކަށް މިދައުވާ އުފުލިއެވެ. އޭގެތެރެއިން އެކަކަށް ވަނީ، ސާބިތު ނޫންދައުވާ އެއްގެ ގޮތުގައި ކޯޓުން ނިންމާފައެވެ.


އާދެ! ގާޒީ ބަދަލުވެގެން ފަހުން ފެށި ޝަރީއަތުގެ މަޖްލިސް ތެރެއިން އަޅުގަނޑަށް ސާފުވި ގޮތުގައި އަޅުގަނޑުގެ ކޮރަޕްޝަނަކީ، ދުއިސައްތަ ސްކޯލަރޝިޕާއި ތިންލައްކަ ކޮންމެވެސް ވަރެއް (އޭރުގެ ރާއްޖޭގެ އާބާދީއަށް) އައިޑީކާޑު ހިލޭ ހަދައިދޭން އެއްބަސް ވެވިފައި ވާއިރު އެކަމުގެ ވާހަކަ އެގްރީމްންޓުގައި ނުހިމަނާއޮތް އޮތުމަކީ، ވަކިބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭތީއެވެ.


އެހެނަސް މިވާހަކަ އަކީ ބިޑަށް ޕްރޮޕޯސަލް ހުޅުވާލިއިރު މިނިސްޓްރީ އޮފް ފައިނޭންސުން ލިޔެފައި އޮތް ވާހަކައެއް ނޫނެވެ. އެހެންވެ ބިޑްހުށަހެޅި އެހެން އެއްވެސް ބަޔަކަށް މިވާހަކައެއް ނޭނގެއެވެ. އެއިން ފަރާތަކުން ހިލޭކޮށްދޭނެ މިކަހަލަ އެއްވެސް ކަމެއްގެ ވާހަކައެއް އެމީހުން ހުށަހެޅި ޕްރޮޕޯސަލް ތަކުގައި ވެސް އަދި އަނގަބަހުން ދައްކާފައެއް ވެސް ނެތެވެ. އެހެންވެ އެވާހަކަ އަކީ، މިނިސްޓްރީ އޮފް ފައިނޭންސުގެ ޕްރޮޕޯސަލްގައި ނެތް ވާހަކައަކަށް ވާތީ، ރަސްމީ އެގްރީމަންޓު ގައި ވެސް އެއީ ގެނެވުނު ވާހަކައެއް ނޫނެވެ.


އަދި އެއީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ލިބިގަތުމާއި ލިބި ނުގަތުން ސަރުކާރަށް ދޫވެފައި އޮތްކަމެކެވެ. ސަރުކާރުން އެދިއްޖެ ނަމަ ކޮށްދޭ ގޮތަށް އޮތްކަމެކެވެ. ފަހެ، އެއީ ނެކްސްބިސް އަށް މި ޕްރޮޖެކްޓު ލިބިއްޖެ ނަމަ، އަދި ސްޓިއަރިން ކޮމެޓީން އޮފިސަރުން ފޮނުވާނެ ކޯސްތައް ނިންމައި ފޮނުވަން ހަމަޖައްސަން ދެން، އެއީ މުޅިން މަޖްހޫލުކޮށް އެކަކަށް ވެސް ނޭނގޭ ހާލަތުގައި އޮތްކަމެކެވެ.


ވީމާ ބިޑްކުރި އެހެން ފަރާތްތަކަށް މިއީ ފެނުނު އަދި ދެކެވުނު ވާހަކައެއް ވެސް ނޫނެވެ. ބިޑްކުރުމަށް ސަރުކާރުން ހުށަހެޅުނު ނުކުތާއެއް ވެސް ނޫނެވެ. އަދި ބިޑު ދިރާސާ ކޮމެޓީން އަޅާލިކަމެއް ވެސް ނޫނެވެ. އެންމެ ކުޑަމިނުން ފާހަގަ ކުރެވި އެއްވެސް ކަހަލަ އިސްކަމެއް ދެވުނު ކަމެއް ވެސް ނޫނެވެ.


އޭސީސީން މިކަން ނަގައިގެން މިއުޅެނީ، ނެކްސްބިސް އާއި އިމިގްރޭޝަނައި ދޭތެރޭ ދެކެވުނު ވާހަކަ ތަކުންނާއި އެކުންފުނިން ފައިނޭންސް މިނިސްޓްރީއަށް ބިޑްހުށައެޅި އިރު ހިލޭކޮށްދޭނެ ބައެއް ކަންތަކުގެ ވާހަކަ ލިޔެ މެންޝަން ކޮށްފައި އޮތީމައެވެ. އަދި މިއީ ހުޅުވާލި ބިޑުޕްރޮޕޯސަލް ގައިއޮތް ކަމަކަށް ނުވާތީ، މިކަމަށް އެއްވެސް ޕޮއިންޓެއް އަދި މާކްސްއެއް ހުށަހެޅި އެއްވެސް ބިޑަކަށް ނުދެއެވެ. މާކްސްދޭގޮތަށް ހަމަޖެހިފައި ވެސް ނެތްކަމެކެވެ.


އަދި މިވާހަކަ ނެކްސްބިސް ބިޑްގައި އެކުންފުނިން މެންޝަންކޮށްފައި އޮތަސް އެއްވެސް ކަހަލަ އިސްކަމެއް ޓެންޑަރބޯޑުން މާކްސްދިނުމުގައި ދީފައިވާކަމެއް، އަދި ގެންގުޅެފައިވެސް ނުވާ ކަމެކެވެ. އެ މަރުހަލާގައި އެއްވެސް މިންވަރަކަށް ވާހަކަދެކެވި އަދި ފާހަގަކުރެވުނު ނުކުތާއެއް ނޫނެވެ.


މިއީ އޭސީސީން ވަކިބައެއްގެ ސިޔާސީ ނުފޫޒުން އުފައްދާއި ހިލުވާލައިގެން އަޅުގަނޑު ސިޔާސީ ގޮތުން ކަތިލައި ލުމަށް އެކޮމިޝަނުގައި ތިއްބެވި ދެމީހަކު ރޭވި ސިޔާސީ އަމިއްލަ ފައިދާގެ މަގްސަދެއް އޮވެގެންހިންގި ރޭވުމެކެވެ. ހިމޭން ހަނގުރާމައިގެ ބައެކެވެ. އެހެންވީމާ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ނަގައިދޭން އަޅުގަނޑު ކުރިކަމެއްކަން، އަދި އެފަދަ ނިޔަތެއްގައި ކުރިކަމެއް ކަމުގައި ބަލާނެ އެއްވެސް ޖާގައެއް ފެންނާކަށް ނެތެވެ.


ހަގީގަތުގައި ފަސާދަ އަކީ، ފަސާދައެއްކަން ދެނެހުރެ އެނިޔަތް ހިތުގައި އޮތުމާ އެކު މީހެއްގެ އަމަލުން ހިންގާ ކަމަކަށް ނޫނީ، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ފަނޑިޔާރަކަށް ހުކުމެއް އިއްވާނެ ހަމައެއް، އުސޫލެއް، ގާއިދާއެއް، އަދި ބުރަދަނެއް އޮންނަ ހަމައެއް ނޫނެވެ. އެއްވެސް ގޮތަކުން ފިގްހީ އުސޫލެއް ނެތްކަމެކެވެ. މިއިން ހަމައަކަށް ނުފެތިކުރާ ހުކުމަށް އިސްތިލާހީ ގޮތުން ބުނެވޭނީ، ސިޔާސީ ހުކުމެކެވެ. ފަހެ، އެއީ ގާނޫނީ ގޮތުން މަނާކަމެކެވެ. ދީނީ ގޮތުން ހަރާމް ކަމެކެވެ. އަޅުގަނޑަށް އަދިވެސް ވިސްނާ ވިސްނާ ވެސް އަޅުގަނޑު ކުރިކަމެއް، ހިންގި ފަސާދައެއް މިއުޅެނީ ސާފު ނުވެގެންނެވެ! ވަކީލުން ހިތްހަމަ ޖެހޭވަރަށް ފަނޑިޔާރަށް ކިޔައެއް ނުވަތަ ނިޔުޅައެއް ނުދެވެއެވެ.


އަޅުގަނޑުގެ ވަކީލަކީ އަލްއުސްތާޒު ހުސްނު ސުއޫދެވެ. މައްސަލަ ކޯޓަށް ވެއްދީ އޭނާގެ އެކުވެރިޔާ ޕީޖީއަކަށް އޭރު ހުންނެވި އަލްއުސްތާޒު އަހުމަދު މުއިއްޒު ސަރުކާރުން އަންގަވައި ގެންނެވެ. ދައުލަތުގެ ބަންޑާރަ ނައިބު ފޮނުއްވި ވަކީލު އައި ގާޒީ މިސުވާލު ކުރެއްވުމުން ޝަރީއަތުގެ މަޖްލިސްގައި އޭނާ ދަންނަވާފައި ވަނީ، އިލްޔާސްގެ ނިޔަތެއް ސާފުކޮށް ނޭގޭކަމަށެވެ. ވަހުމުގައި އޮތް ކަމެއް ކަމަށެވެ. އޭސީސީގެ ވަކީލު ދަންނަވާފައި ވަނީ އިލްޔާސް ގަސްދުގައި ކުރިކަމެއްކަން އޭނާ ގަބޫލު ކުރައްވާ ކަމުގައެވެ.


އާދެ! ފަހުން ހަވާލުވި ގާޒީ ވަނީ، ޝަރީއަތުގެ މަޖްލީހުގައި ވަރަށް ތިލަކޮށް މިފަދަ ހުރިހާ ނުކުތާތަކެއްގެ އެމްމެ އަޑިއަށް ފީނާ ވަޑައިގެން އަލިއަޅުވާލަ ދެއްވާއި ހުރިހާނުކުތާ ތަކެއް ވަރަށް ސާފުވާވަރަށް އަޅުގަނޑާ އެކު ތިންފަރާތާ ސުވާލުކޮށް ވާހަކަތައް ނިންމަވާލައްވާ ފައެވެ. އަދި އެންމެ ފަހުގެ ބަޔާން ތަކުގައި ހުރިހާ ފަރާތަކުން ސޮއި ކުރުވާއި އިގިލީގެ ނިޝާން ޖަހުވައި ނިންމަވާފައެވެ. އޮތީ ހަމަ ހުކުމް އިއްވަން ވެފައެވެ.


މިގާޒީ "ބާރީ" އަށް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހެއެވެ. އެއީ އެހާތިލަކޮށް މިކަން ހިނގާފައި އޮތްގޮތް އޮޅުންފުލުވާއި ސާފުކޮށް ދެއްވީތީއެވެ. ނިއުޅާލަ ދެއްވީތީއެވެ. އަލުގަނޑަށް މިހާސާފުކޮށް އޮޅުންފިލީ އެހެންވެއެވެ. އޭގެ ފަހުން ކޯޓަށް ނުކިޔާތާ އަށާރަ ވަރަކަށް މަހަށް ވުރެ ގިނަ ވެގެން ދިޔައީއެވެ. މިހާރު އަޅުގަނޑުގެ ވިސްނުމަކީ ނުސީދާ މަގަކުން ނަމަވެސް ހިފާއްޓާފައި އޮތް އަހުރެންގެ ޕާސްޕޯޓު ކޯޓުން ވީއްލުވުމެވެ. އޭރުން އާއިލާގާތަށް ފުރައިގެން އަވަހަށް ދާށެވެ.


އަޅުގަނޑު ބުނާނީ، މިއީ އޭސީސީން އަމިއްލައަށް އީޖާދުކޮށް ސިޔާސީ ގޮތުން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް އެކޮމިޝަން ތެރެއިން ޖެނެރޭޓް ކުރި އިދާރީ އަދި ވަރަށް މުބުހަމް ނުކުތާއެއް ކަމަށެއެވެ. ގާނޫނީ އިމާރާތެއް އަދި ގާނޫނީބިނާއެއް ނެތް ކަމެކެވެ. އަސާސެއްނެތް ކަމެކެވެ. ހުސްކަމެކެވެ. އޭސީސީން ކަނޑާލި އިންވެސްޓިގޢޓަރަކު ވެސް އަހުރެންނާ ބައްދަލުކޮށް މިވާހަކަތައް ކިޔައި ދިނެވެ. އަދި އޭނާ މި ތަހުގީގަށް ފަހު ވަކިކުރީ އަހުރެންގެ ބަޔާންތައް ވެރިން ބޭނުންވާ ގޮތަށް ނުނެގިގެންނެވެ.


ފަހެ، މިއީ ނުފޫޒުގަދަ ސިޔާސީ ބައެއްގެ ނުފޫޒުތަކަށް އިޖާބަދިނުމުގެ ގޮތުން، އޭސީސީން ދައުވާއެއް އަޅުގަނޑުގެ މައްޗަށް އުފުލުމުގެ ބޭނުމުގައި ގާނޫނު ބޭނުން ކޮށްގެން އުފެއްދި ގާނޫނީ ހީލަތެކެވެ. އަޅުގަނޑަށް މިކަމުގައި ހުކުމެއް އަންނަން ޖެހޭ ނަމަ، މިކަން ނިންމި ޓެންޑަރބޯޑާއި އެގްރީމަންޓް ބަލާއި ދިރާސާކޮށް އެކުލަވާލައި ފައިނަލްކޮށް ފާސްކޮށް ނިންމި، ހުރިހާ މުއައްސަސާތަކުގެ މަންދޫބުންގެ މައްޗަށްވެސް އެއަންނަ ހުކުމެއްވިއްޔާ އަންނަން ވާނެއެވެ.

ބޯޑާކޮންޓުރޯލް އެގްރީމަންޓޫފައިނަލް ކުރި ކޮމެޓީ
ބޯޑާކޮންޓުރޯލް އެގްރީމަންޓޫފައިނަލް ކުރި ކޮމެޓީ

އެގްރީމަންޓްގައި ދައުލަތުގެ ފަރާތުން އަޅުގަނޑު ސޮއިކުރީ، ދައުލަތުގެ ކަމާބެހޭ އެތައް ފަރާތެއް ތިބެގެން އެއެގްރީމަންޓު ކޮށާއިމަށައި ހަދައި ނިންމެވުމުންނެވެ. އަދި ބަންޑާރަނައިބު އޮފީހުން ލިޔުމުން ސޮއިކުރުމުގެ ހުއްދަ އިމިގްރޭޝަނަށް ހޯދާފައެވެ. އެސިޓީ މިހާރުވެސް އޮންނާނެއެވެ. އަދި މިކަންކުރުމުގައި ބައިވެރިވި އެންމެން އެކަން ރަނގަޅަށް ދަންނާނެއެވެ. އެއީ އަޅުގަނޑު އަތުންލިޔެލާފައި އަމިއްލައަށް ނިންމާލި އެއްޗެއް، އެއްބަސްވުމެއް ނޫނެވެ. ހަމައެކަނި އަޅުގަނޑު ސިޔާސީ ޝިކާރައަކަށް މިހަދާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭގެއެވެ. ވިސްނާވިސްނާ ވެސް ނުވިސްނެއެވެ. ހަމަނޭގުނެވެ! އޭސީސީއަށް ޝުކުރިއްޔާ!


ބަންޑާރަނައިބު އޮފީހުން ސޮއިކުރުމަށް ހުއްދަދެއްވި ސިޓީ
ބަންޑާރަނައިބު އޮފީހުން ސޮއިކުރުމަށް ހުއްދަދެއްވި ސިޓީ

އާދެ! އިމިގްރޭޝަން ހިންގާނެ ގާނޫނެއް އަޅުގަނޑައި އިމިގްރޭޝަން ހަވާލުވިއިރު އޮތަސް އެގާނޫނުގެ ދަށުން އޮފީސް ހިންގުމުގެ އިންތިޒާމްތައް ހަމަޖައްސައި އެމަގުން އެއްވެސް ކަމެއް އޮފީސްތެރޭގައި ހިންގާފައެއް ނުވެއެވެ. މަސައްކަތްތައް ކުރަމުން ގެންދަނީ، އެއިރެއްގެ ކޮންޓްރޯލަރ ވިދާޅުވާ ގޮތަކަށެވެ. ނޫނީ ސެކްޝަންތަކުގެ އިސްވެރިންނަށް ފެނިގެން އެފަހަރަކު ހަމަޖައްސާ އެންމެ ފައިދާބޮޑު ރަނގަޅު ގޮތަކަށެވެ. ތަބާވާނެ ގަވާއިދެއް ލިޔުމެއް އޮފީސްތެރޭގައި ފެންނާކަށް ނޯވެއެވެ. އޮފީސް ހިންގުން އާދަވެފައި އޮތީ މިކަހަލަ އާދަކާދައިގެ ހިންގުމުގެ ދުވަސްވީ ހަމަތަކެއްގެ މައްޗަށެވެ.


ދުވަސްތަކެއް ވަންދެން ހިނގާފައިވާ އިދާރާއަކަށް ވާތީ، އޮޓޮމެޓިކްކޮށް ކޮށްލާ ކަންކަން ދުވަހުން ދުވަހަށް އެދުވަކު ފީޑު ކުރާގޮތަކަށް ހިންގަމުން ދަނީއެވެ. ފަހެ، އަޅުގަނޑުގެ ބޮލުގައި ރިހި، ކަންބޮޑުވީ އިމިގްރޭޝަން ގާނޫނުގެ ދަށުން ހުރިހާކަމެއްގެ ޒިންމާތައް ކޮންޓްރޯލަރުގެ ބޮލުގައި އެޅިފައި އޮންނަ އޮތުމުން ނެވެ. އެހެންވެ ވީހާ އަވަހަށް ގަވާއިދުތައް ހަދައި ނިންމާލީއެވެ. މި މަސައްކަތަކީ، މުޅިން އާކަމެއްގެ ގޮތުގައި އޮތަސް ހިތްވަރުކޮށްފައި ހުރިހާ ގަވާއިދުތަކެއް ހަދައި ފުރިހަމަ ކޮށްގެން އެގަވާއިދު ތަކުގެ ގެދަށުން ހިންގާ ގޮތަށް ބަދަލުތައް ގެނެސް ސެކްޝަންތަކަށް މަސައްކަތް ބަހާލަން ޖެހުނީ، ސީދާ އަޅުގަނޑަށެވެ. ގަވާއިދުތައް ބަންޑަރަނައިބު ދިޔާނާ އަރިހަށް ފޮނުވައިގެން ލަފާ ހޯދީ ރަސްމީކޮށެވެ.


ޖެހުނީ ސިވިލް ސަރވިސްއާ ގުޅައިގެން މުޅި އޮނިގަނޑު އަލުންބިނާ ކުރާށެވެ. އަދި އިމިގްރޭޝަން ގާނޫނުގައި އިޝޫކުރެވޭ ގޮތަށް ހުރި ހުރިހާ ވިސާތަކަކަށް މުޅިން އަލަށް ގަވާއިދު ހަދާއި ވިސާފޯމުތައް ޑިޒައިންކޮށް އެވިސާތައް ދޫކުރަން ފަށައިގަތީ ސީދާ އަޅުގަނޑެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނަށް ގެނެވުނު ބޮޑުބަދަލެކެވެ. އެކަން މިހާރު ވެސް ފާހަގަ ކުރައްވާ ވެރިންނާއި އޮފިސަރުން ގިނައެވެ.


ފަހެ، އެހުރިހާ ބާރެއް ވަނީ، ގާނޫނުގައި ކޮންޓްރޯލަރަށް ދީފައެވެ. ކަންކަން ކުރުމުގެ ފުރިހަމަބާރު ގާނޫނުން އޮވެއެވެ. އަލަށް ތައާރަފްކުރި ވިސާތަކުގެ ތެރޭގައި، އެއްއަހަރު ދުވަހަށް ސްޕެޝަލްވިސާ ދިނުމާއި، 6 މަސްދުވަހަށް ބިޒްނަސް ވިސާ ދިނުން ފުރަތަމަ ފަހަރަށް އަލަށް ތައާރަފް ކުރީމެވެ. ބިޒްނަސް ވިސާއަކީ، އިމިގްރޭޝަނަށް ފައިސާނަގާ ވިސާއެކެވެ. ސްޕެޝަލް ވިސާއަކީ ދައުލަތުގެ ބޭނުމަށާއި މުޖްތަމައުގެ ފައިދާއަށް، ނުވަތަ ދަރުމައަށް ދައުލަތުގެ ހުއްދަ ރަސްމީކޮށް އޮވެގެން ކުރަމުންދާ ޚާއްސަ ޚިދުމަތްތަކަށް ގެނެވޭ ވަކިހުނަރަކަށް ޚާއްސަ ވެފައިތިބޭ ބިދޭސީންނަށް ދޫކުރަން އޮންނަ ވިސާއެކެވެ.


މިވިސާތަކާއި މިވިސާތަކުގެ ޖޫނިމަނާ ތަކަކީ، ދައުލަތުގެ އާންމުދަނީއަށް އަލަށް ވަންނަންފެށި އިތުރު ފައިސާއެކެވެ. އެހެނަސް މިކަން ވެގެންދިޔައީ ސިޔާސީ ގޮތުން ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެދުވަސް ވަރަކީ، ފައިސާއަށް ލޭބަރ މިނިސްޓްރީން ވޯކްޕާމިޓް ނެރެވެމުން ދިޔަ ދުވަސް ވަރެކެވެ. ރަސްމީ އެޖެންސީ ތަކަށް ވުރެ އަވަހަށް މަގުމަތީ އެޖެންޓުން މިކަންކޮށް ލާލެއް މާއަވަހެވެ.


ފަހެ، ބިޒްނަސް ވިސާއަކީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކުރު މުއްދަތަށް ދެވޭ ވިސާއެކެވެ. ސްޕެޝަލް ވިސާއަކީ އެއްއަހަރު ދުވަހަށް ދެވޭ ވިސާއެކެވެ. މިވިސާތަކުގެ ދަށުން އަމަލީގޮތުން ބައެއް ފަންނީ ޚާއްސަ މަސައްކަތްތައް ރާއްޖޭގައި ކުރެވޭނެ އެވެ. ދެންވީ ގޮތަކީ ކުރު މުއްދަތަށް އަލަށް އިމިގްރޭޝަނުން ފެށި ވިސާތަކަށް އަންނަ މީހުންގެ އަތުން ކުރިން ލިބިލިބި ހުރި ފަސާދައިގެ ފައިސާ ލިބުމުގެ ދޮރުބަންދު ވީއެވެ.


އަދި މިވިސާގައި އަންނަން ބޭނުންވާ ބިދޭސީންނަށް ވޯކްޕާމިޓް އަގަށް ހޯދުން ހުއްޓުނީއެވެ. ދެން އެކަމާ ލޭބާރ މިނިސްޓްރީން ކަންބޮޑުވުންތައް އުފުލައި މައްސަލަ ތަކެއް އަޅުގަނޑާ މެދު ކުރިމަތި ކުރުވީއެވެ. އެހެނަސް މިކަންކަން އަޅުގަނޑު ކުރީ އޭރުގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ލިޔުމުން ދެއްވި ގާނޫނީލަފާގެ މަތީންނެވެ.


އެހެނަސް އެކަންކަން ރައީސުލް ޖުމްހޫރިއްޔާ އައި ހަމައިން ރައީސް އޮފިސްތެރޭގައި ވާހަކަ ދައްކައިގެން ހައްލުކޮށް އިމިގްރޭޝަންގެ މަސައްކަތް ކެރިގެން އިމިގްރޭޝަނުން އެއްފުރާޅެއްގެ ދަށުގައި ކުރަމުން ގެންދާގޮތަށް ބާއްވައި ހުރިހާ ގޮންޖެހުން ތަކާއެކު އަޅުގަނޑު އިސްވެ ހުރެގެން އެކަންކަން ބާރަށް ކުރިޔަށް ގެންދިޔައީ އެވެ. އިމިގްރޭޝަން ގާނޫނު ތަންފީޒުކޮށް ދެމެހެއްޓީއެވެ.


ރައީސް އޮފީހުގައި ބޭއްވުނު ބައެއް ރަސްމީ މީޓިންތަކުގައި ރައީސް ނަޝީދު އިންނަވަން އުނދަގޫ ފުޅު ވެގެން، ނައިބު ރައީސް ވަހީދުއައި ވެސް ހަވާލު ކުރެއްވި އެވެ. ވާހަކަތައް ފެށުނީ ރިޔާސަތުގައި، ރައީސް ނަޝީދު އިންނަވައި ގެންނެވެ. ކަނާތްފަރާތުގައި މިނިސްޓަރ ހަސަން ލަތީފެވެ. މިހާރު ރައިސް ނަޝީގުގެ ގާނޫނީވަކީލެވެ. ވާތްފަރާރުގައި ކޮންޓްރޯލަރުގެ ހައިސިއްޔަތުން އަޅުގަނޑެވެ. އަޅުގަނޑަކީ، ގާނޫނީ ވަކީލަކަށް ނުވިޔަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި މުހާމީ ކޯސްތަކުގެ މުގައްރަރުތައް ހެދުމާއި ލިޔުމުގައި އަމަލީގޮތުން އުޅެފައިހުރި މީހެކެވެ.


އަދި އިސްލާމީ ޝަރީއަތް ކިޔަވައިގެން ހުރި އަރަބި ބަހުން ކިޔަން ލިޔަން އެނގޭ މީހެކެވެ. ރައީސް އޮފީހުގެ ނަތީޖާއަކަށް ނުކުތީ ވެސް ގާނޫނައި އެއްގޮތަށް ކުރިޔަށް ދާށެވެ. އެހެނަސް ސިޔާސީ ދުއްތުރާތައް ދެމިގެން ދިޔައެވެ. އޭރަކީ އެމްޑީޕީ އެކްޓިވިސްޓުން ނެރެ ހިއްޕުވާލީމާ ހުރިހާ ރަނގަޅު ކަމަކާއި ނުބައިކަންކަން ވެސްވާ ދުވަސްވަރެވެ.


އާދެ! އިމިގްރޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް ޑްރާފްޓް ކުރުމަށް ހެދިގޮތަކީ، ކޮންމެ ދުވަހަކު ދޮޅުގަޑި އިރު ކަނޑައަޅައި އިސްވެރީންނާ އެކު އެކަމަށް ވަގުތު ހުސްކޮށްގެން ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރާގޮތަށް ހަމަޖައްސައި، ހައެއްކަމަސް ދުވަހުން ހުރިހާ ގަވާއިދެއް ލިޔެ ނިންމައި ބަންޑާރަ ނައިބު އޮފީހަށް ލަފައަކަށް އެދި ފޮނުވާ ލީއެވެ. އެއޮފީހުގައި ނުނިމި ދުވަސްކޮޅެއް ނެގުމުން، އޭރުގެ ބަންޑާރަ ނައިބު ސަވާދު އަލީ އައި މަޝްވަރާތައް ކުރިޔަށް ގެންގޮސް، އަދި ފަހުން ބަންޑާރަ ނައިބު ދިޔާނާއަށް ގުޅައިގެން އަވަސް ކުރުވައިގެން ލިޔުމުން ދެއްވި އިސްލާހުތައް އަލުން ގެނެސް، ރައީސް އޮފީހަށް ފޮނުވައިގެން ގެޒެޓުކޮށް ރަސްމީ ސިފައެއްގައި އެގާނޫނުތަކަށް އަމަލު ކުރަންފެށިއްޖެ ވާހަކަ އާންމުކޮށް އިއުލާނުކޮށް ލީއެވެ.


އެހިސާބުން ވަރަށް ގިނަ މަސައްކަތް ތަކެއް ފުރިހަމަ ކުރެވުނީ އެވެ. އަޅުގަނޑުގެ މަސައްކަތުގެ ބޮޑުބައި ކާމިޔާބު ކުރެވުނީ އެވެ. ފަހެ، މަސައްކަތް ކުރަންތިބި އޮފިސަރުންނަށާއި ޚިދުމަތް ލިބިގަންނަން ތިބި ރައްޔިތުންނަށް އެކަންކަމުގައި ކުރިޔަށް ދާނެގޮތްތަކާއި ހަދާނެގޮތްތައް ސާފުގެން ދިޔައީ އެވެ. މަސައްކަތްތައް ލުއިވެ ސްޕީޑްއަވަސް ވެގެންދިޔަ އެވެ.


އެހެނަސް އިންސާނީ ވަގުފާރީގައި ޝާމިލުވެ، ބިދޭސީން ވަގުބާޒާރުގައި ވިއްކަމުން ބޭނުންކުރަމުން، އެފިޔަފާރި ފުޅާ ކުރަމުން ގެންދާ މީހުންގެ ފަރާތުން ވަރަށް ނުރުހުންތައް އަޅުގަނޑަށް އަމާޒުވި އެވެ. އިންޒާރުތައް ވެސް އައެވެ. މަގުމަތީން ދިމާކޮށް ހަޑިހުތުރު އައުގުރާނަގޮވާ ހެދިއެވެ. ވަގަށް ގޮވާހެދިއެވެ. ފޯނަށް މެސެޖްތައް ފޮނުވައި އިންޒާރުދީ ހެދިއެވެ. އެންމެ ފުރަތަމަ ފަހަރު އަލަށް ދިވެއްސަކު ގާނޫނައި ޚިލާފަށް ބިދޭސީއަކު ގެންގުޅެގެން ދިވެހި ތާރީޚުގައި ވެސް އިމިގްރޭޝަން ގާނޫނުގައި ކަނޑައެޅިފައި އޮންނަ ޖޫރިމަނާ އަލަށް ކުރި ދުވަހުގެރޭ އަޅުގަނޑު އެކަން ކުރަން ފޮނުވި އޮފިސަރުގެ މޮޓޯ ސައިކަލާއި އޭނާދިރިއުޅޭ ގޭގެ ފިހާރައިގެ މޫނުމަތިން މަދު ހިސާބެއް، ގޮތްނޭނގޭ ގޮތަށް މޫނުމަތި ނިވާކޮށްފައި ތިބިބަޔަކު ގޮސް އަންދާލިއެވެ.


އެ އޮފިސަރުގެ މޮޓޯ ސައިކަލު އެކީގައި އަނދާހުލިވީ އެވެ. އެއްގޮތަކަށް ވެސް އެކަންކުރި ބަޔަކު މިހާތަނަށް ވެސް ވަނީ، ފުލުހުންނަށް ނުހޯދިފައެވެ. މޫނުމަތި ނިވާކޮށްގެން ދަންވަރު ރަށުތެރޭގައި އުޅޭ މީހުންގެ ވާހަކައަކީ، މުޅިން އެހެން ސްޓޯރީއެކެވެ. އެއީ ވަކި ސިޔާސީ ބާރަކުން ގެންގުޅޭ ޚާއްސަ ފޯހެކެވެ.


ފަހެ، މިގަވާއިދުތައް ލިޔަމުން ދިޔަ އިރުވެސް ސެކްޝަން ތަކަށް ސަކިއުލަރ ނެރެގެން، ހަދަމުންގެންދިޔަ ވަރަކަށް ގަވާއިދުތައް ގެންދިޔައީ ސެކްޝަން ތަކަށް ތައާރަފުކޮށް އަމަލީގޮތުން ހިންގަމުންނެވެ. ތަންފީޒު ކުރަމުންނެވެ. ދެން އަޅުގަނޑު ކުރި އިތުރު މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެޖާގަ ކުޑަވެގެން މާލެއިން އެހެން އިމާރާތެއް ހޯދައި ބައެއް އިދާރީ މަސައްކަތްތައް ވިސާޖެހުން ކަހަލަ އާއޮފީހަކަށް ބަދަލު ކުރީމެވެ.


އޭގެތެރޭގައި މާފަންނުން އިމާރާތެއް ހޯދުމާއި ފަހުން ހެންވޭރުން އިމާރާތެއް ހޯދުމައި ވޯކްވިސާގެ މަސައްކަތް އެތަނަށް ބަދަލުކުރުމާއި މާލޭ ޖަލުތެރެއިން ޖާގައެއް ހޯދައި، ހިފާ ހައްޔަރުކޮށް ވަގުތީގޮތުން ބައިތިއްބާ ބީދޭސީން ޑިޓެއިން ކުރާނެ ތަނެއް ހަމަޖައްސައި އެތަނުގެ މަރާމާތު އިންސާނުން ގެންގުޅެވޭ ފެންވަރަށް ނިންމުން ހިމެނެއެވެ.


އަދި ބިދޭސީން ޑިޓެއިން ކުރާނެ ޑިޓެއިނިން ސެންޓަރެއް ވަގުތީ ގޮތުން ހުޅުމާލޭގައި ހަދައި އެތާނގައި އަމަލީ ގޮތުން މަސައްކަތް ފަށައިގަތީ އަޅުގަނޑެވެ. މާލޭން ޑިޓެއިންކުރާ ހުރިހާ ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރެވުނެވެ. އަދި އިމިގްރޭޝަނުގެ ބައެއް ލުއި ޚިދުމަތްތައް ހުޅުމާލޭގައި ތައާރަފް ކުރީމެވެ. މިމަސައްކަތްތައް ފުރިހަމަ ކުރުމުގައި އޮފިސަރުންނާ އެކު އަމަލީގޮތުން އަޅުގަނޑު އުޅެމުން ގެންދިޔައިމެވެ. ބައެއްރޭރޭ އެކުގައިހެން ހޭލާ އުޅެންޖެހުނެވެ.


ގިނަ ތައްޔަރީގެ މަސައްކަތްތައް ކުރީ އޮފިސަރުން ރެއާއި ދުވާލު ހޭލާތިބެގެން، އައުޓްސޯސް ނުކޮނެވެ. އަދި ޑިޓެއިނަރުން ލައްވައި މަސައްކަތް ކުރުވައިގެން ނެވެ. ހަގީގަތުގައި އަޅުގަނޑަށް މިފަދަ އުނދަގޫތައް، ބޮލަށް ވެއްޓެވަރު ވެފައިހުރި މުވައްޒަފުންގެ ނާދީ، އަދި މާފަންނުން އެޑިއުކާޝަނުން ދޫކޮށްލާފައި ހުރި ގުދަން އިމާރާތެއް ފަދަ ބާއިމާރާތްރައް ދީގެން އުޅުނީ މިކަންކަން ނުކޮށް ހުއްޓާލާތޯއެވެ! ރައީސް އޮފީސްތެރޭގައި އާ އިމާރާތެއް ހަމަޖައްސައި ދޭން ހަވާލުވެ ތިއްބެވީ، މިކަންކަންވިޔަ ނުދޭން ހިއްޕެވި ވެރީންގެ ތެރެއިން ހިމެނޭ ބޭފުޅުންނެވެ. މިކަންވީ ހިތަށް ނުގެނެވޭ ވަރުގެ އުނދަގުލަކަށެވެ.


އާދެ! ލޭބަރ މިނިސްޓްރީން ނަގަމުން ގެންދިޔަ ވިސާފީތައް އިމިގްރޭޝަނުން ނަގާގޮތަށް ބަދަލުކޮށް ވޯކްޕާމިޓަށް ފައިސާ ނުނަގާ ގޮތަށް އެއީ އިދާރީ ގޮތުން އިމިގްރޭޝަނަށް އަންގާލަން އޮންނަ އިދާރީ ލިޔުމަކަށް ބަދަލުކޮށް އެލިޔުމުގެ ނަމަކީ، އެންޕްލޮއިމަންޓް އެޕްރޫވަލް ކަމުގައި ހަމަޖެއްސީމެވެ.


އަދި ވޯކްވިސާ އިޝޫކުރާއިރު ޕާސްޕޯޓުގައި ޖަހާނެ ސްޓިކަރއެއް ޒަމާނީ ފެންވަރަށް ޑިޒައިންކޮށް އަލަށް ތައާރަފުކޮށް ބިދޭސީންގެ ޕާސްޕޯޓުގައި ޖަހަން ފެށީމެވެ. އެންބަސްކުރާ ތައްގަނޑުތައް ތައާރަފް ކުރީމެވެ. މިކަން ވެސް ވެގެންދިޔައީ ވަރަށް ޗެލެންޖުތަކައި ކުރިމަތިވި ކަމަކަށެވެ. އަދި ވޯކް ވިސާގައި އެތެރެވާ ބިދޭސީންގެ ދެއަތުގެ ހުރިހާ އިނގިލިތަކުގެ ނިޝާން އެއަރޕޯޓުން ނަގަން ފެށީމެވެ. އަދި އެތެރެވާއިރު ބުރިކޮށް ފޮޓޯއެއް ރެކޯޑުގައި ބެހެއްޓުމަށް ނަގަންފެށުނެވެ. މިކަންވެސްވީ ގޯހަކަށެވެ. ނުރުހުނު މީހުން ގިނައެވެ.


ހެދީ އިންސާނިއްޔަތާ ޚިލާފު ކަމަކަށެވެ. އަދި އެއަރޕޯޓުގައި ބޭނުންކުރާ ފްލައިޓުން ބަހައި، އަދި ފުރާއިރު ބޭނުންކުރާ، އެރައިވަލް އެންޑް ޑިޕާޗަރ ކާޑު އަލުން ޒަމާނީ ފެންވަރަށް ޑިޒައިންކޮށް އޭގެ އަނެއް ފަރާތުގައި އިޝްތިހާރު ޖަހައި ހިލޭޗާޕުކޮށް ބަހާގޮތަށް ހަމަޖެއްސީމެވެ.


ފަހެ، މިކަންވެގެން ދިޔައީ ބަޖެޓުން އެއްވެސް ޚަރަދެއްނުކޮށް ކުރެވޭ ވަރަށް ރަނގަޅު ކަމަކަށެވެ. އެއަރޕޯޓުގެ މަސައްކަތްތައް އަލުން ބަހާއި ދެޝިފްޓަށް އޮފިސަރުން ހަމަޖައްސައި، 24 ގަޑިއިރު ވަރުބަލިކަމެއް ނެތި ހުއްޓުމެއް ނެތި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ހިނިތުން ވުމާއެކު އެއަރޕޯޓުންނާއި ހާބަރު ޔުނިޓުން އަދި މާލޭ ޕާސްޕޯޓު ސެކްޝަނުން މެދުކެނޑުމެއް ނެތި، އޮފިސަރުންނަށް ޑިއުޓީ އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނީމެވެ. އަދި އެއަރ ޕޯޓުގައި ކޮޓަރި އެއްގެ ތެރޭގައި ކޮފީބޯލަން ތިބެވޭނެ ގޮތަށާއި މައިކްރޯވޭވް އަވަނެއްގެ އިންތިޒާމް ހަމަޖައްސައި ދިނީމެވެ. މިއީ ގިނަ ވަގުތު ޑިއުޓީގައި ސައިކޮފީ މޭޒުތަކަށް ބޭރަށް ދިއުން މަދުކުރުމަށް އެޅުނު ފިޔަވަޅެކެވެ.


އާދެ! އަޅުގަނޑަށް ގިނަފަރާތް ތަކެއްގެ ތައުރީފްލިބުނު ކަމެއް ވެސް ކުރެވުނެވެ. އެއީ އިމިގްރޭޝަނަކީ، ތަންފީޒީ އިދާރާއަކަށް ވާތީ އެއިދާރާއިން ކުރާ ހުރިހާ މަސައްކަތެއްގެ ތަފާސްހިސާބު ފޮތެއް ގްރެފިކްކޮށް ޗާޓުތައް ކުރަހައިގެން ދައްކާފައި ނެރުމެވެ. މިމަސައްކަތް ކުރާނެ ޔުނިޓެއް ހަމަޖައްސައި އެކަމަށް ތައްޔާރު ކުރި ކުޑަސިލިޕެއް ބޭނުންކޮށްގެން ކޮންމެ ސެކްޝަނަކުން އެދުވަހަކު ކުރާ މަސައްކަތެއްގެ މިންވަރު، އަދި ކުރެވޭ މަސައްކަތުގެ މިންވަރުތައް ޖަހާފައި އަނބުރާ ޔުނިޓަށް ފޮނުވަން ޖެހޭގޮތަށް ނިންމުނެވެ.


އަދި އެޔުނިޓުން އެކަންކުރާ އިސްއޮފިސަރު ހަފްތާއަކު އެއްދުވަހު ސްޓާފްމީޓިންގައި އެހަފްތާގެ ހިސާބުތައް ކޮންޓްރޯލަރަށް ބުނެދޭން ޖެހޭނެއެވެ. ލިބޭ ފައިސާގެ މައުލޫމާތު ވެސް މިގޮތަށް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިޔައިމެވެ. އަދި މަސް ނިމުމުން ފޮތެއް ސިފައިގައި ޕްރިންޓުކޮށް ކޮންޓްރޯލަރގެ ޚިތާބަކާ އެކު ނެރެންފެށީމެވެ. އަދި އިމިގްރޭޝަން ސައިޓްގައި ކޮންމެ މަހަކު އެއްފަހަރު ނެރޭފޮތުގެ ސޯފްޓްކޮޕީ އަޕްލޯޑުކުރަން ޖެހޭގޮތަށް ހަމަޖެއްސީމުއެވެ.


މިކަން ކުރުމުން ގިނަފަރާތް ތަކަށް އިމިގްރޭޝަނަށް ވަންނަންޖެހޭ އެތައް ފައިސާއެއް އިމިގްރޭޝަނަށް ނުވަދެ ފޭދިގެންދާ ކަން ވިސްނައިގަންނަން ވަރަށް ފަސޭހަވިއެވެ. މިއަތްމަތީފޮތް ގަވާއިދުން ރައީސް އޮފީހަށް ރައީސް އަރިހަށާއި އެމްއެމްއޭ އަށާއި ފައިނޭންސް މިނިސްޓްރީ އަދި އޯޑިޓް އޮފީހަށް އަހުރެން ފޮނުވަމެވެ. ވަރލްޑް ބޭކުންނާއި ޔޫއެން މާލޭގައި ހުންނަ އޮފީހުންނާއި އެމްއެމްއޭއިން މިކަމަށް ތައުރީފް ކޮށް އަޅުގަނޑަށް ސިޓީލިބުނެވެ. އަދި ފުރަތަމަފޮތް ބައްލަވާފައި ރައީސް ނަޝީދު އަޅުގަނޑަށް ފޯނުން ގުޅުއްވިއެވެ. އެމަނިކުފާނަށް ވަރަށް ކަމުދިޔަ އެއްޗަކަށްވި އެވެ.


އަދި މީގެ އިތުރުން، މާލޭގައި އަލަށް ހެދި ވެލާނާގޭ އޮފީސް އިމާރާތުން އިމިގްރޭޝަނަށް ލިބުނުތަނުގައި މީހުންނަށް ވަދެނުކުމެ އުޅެވޭވަރުގެ ސޭފްރޫމެއް ބޯދަނގަޑު ފިލައިން، އަލަށް ގެންނަ ބޭނުންނުކޮށް ހުންނަ ޕާސްޕޯޓުތައް ސަލާމަތްތެރި ކަމާއެކު ރައްކާކުރުމަށް ކޮޓަރިއެއް ޑިޒައިންކޮށް ހަދާއި ސްޓޮކް ބަލަހައްޓާނެ ފުރިހަމަ އިންތިޒާމެއް ގައިމު ކުރީމެވެ. މިކަން ކުރުމަށް ޚިޔާލު ގެނެވުނީ އެފަދަ ޕާސްޕޯޓުތައް ބެލެހެއްޓިފައި ހުރިލެއް ދޯދިޔާ ކަމުންނެވެ. އުޅެއުޅެ ވެސް ޕާސްޕޯޓިފޮތްތަކަށް ވާނުވާއެއް އަޅުގަނޑަށް ސާފުކޮށެއް ނުދެވުނެވެ.


އަދި ޑިޕްލޮމެޓިކް އެންމެ އަގުބޮޑު ޕާސްޕޯޓުތަކުގެ ހިސާބުތައް، ވާނުވާގޮތެއް ސާފޮކޮށެއް ނުނެގުނެވެ. ޖެހުނީ ރޮނގެއް ދަމާލާފައި ގުނާ ހެދުމަށް ފަހު އަލުން ބަލަހައްޓަން ފަށާށެވެ. އަޅުގަނޑު ރޭވިގޮތުން އިދާރީ ސެކްޝަނުގެ ހެޑާއި ޕާސްޕޯޓް ސެކްޝަނުގެ އިންޗާޖަށް ނޭގި މިޚަޒާނާއިން އެއްޗެއްނެރެ، އަދި ވައްދައެއް ނުހެދޭނެއެވެ. އަދި ހަފްތާއަކު އެއްފަހަރު ކޮންޓްރޯލަރަށް ސްޓޮކް ކިޔައިދޭން ޖެހޭނެއެވެ.


އާދެ! އަޅުގަނޑުގެ ވިސްނުން ބެހެއްޓީ ޚިދުމަތް ލިބިގަންނަން އަންނަ ކޮންމެ މީހަކަށް ވެސް އިމިގްރޭޝަނުގެ ފުރަތަމަ ކައުންޓަރުން ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބިގެންދާނެ ނިޒާމެއް ގައިމު ކުރުމަށެވެ. އެގޮތަށް ބަދަލުކޮށް ލުމުން ވަރަށް މަދުންނޫނީ ޝަކުވާއެއް ކޮންޓްރޯލަރައި ހަމައަށް ނާދެއެވެ. އަދި އަންނަ މަދުކަންތައް ވެސް ވަގުތުން ވަގުތަށް ހައްލުކޮށް ދެމެވެ. ގާނޫނުގެ ތެރެއިން އެންމެ ފުޅާކޮށް ކޮށްދެވެން ހުރި ހުރިހާ ޚިދުމަތެއް ވާނީ، ރައްޔިތުންނަށް ހަމަހަމަކޮށް ހުޅުވާލެވިފަ އެވެ.


އެންމެ ކުރިން އޮފީހަށް އައިސް އެންމެފަހުން ގެއަށްދާ މީހާއަށް ގިނައިން ވެފައި ހުންނާނީ އަޅުގަނޑެވެ. ބޭނުންވާ ކޮންމެ މީހަކަށް އަޅުގަނޑާ ހަމައަށް އާދެވޭނެއެވެ. އެހެނަސް ކިތަންމެ އާދޭހެއް ކުރިޔަސް، އަދި ތަކުރާރުކޮށް ބައްދަލު ކުރިޔަސް އިމިގްރޭޝަން ގާނޫނައި ޚިލާފު އެއްވެސް ކަމެއް އަޅުގަނޑާ ހަމައިން ނުކުރެވޭނެ އެވެ. އަދި އެހުއްދަ އެއްވެސް އޮފިސަރަކަށް ނުދެމެވެ. ދީފައެއް ވެސް ނޯންނާނެއެވެ.

ފަހެ، ގާނޫނަކުން އަޅުގަނޑު ޒިންމާދާރު ކޮށްފައި ވާތީ އެއަޒުމުގައި އަޅުގަނޑު ކުރިޔަށް ދިއުމުގައި ދެމިހުރެގެން ވަރަށް ގިނަ ގޮންޖެހުން ތަކައި ކުރިމަތިލާން ޖެހުނެވެ. އޭގެތެރެއިން އުސްއަލިތަކެއްގެ ގޮތުގައި އަބަދުވެސް ހަނދާނުގައި ހުންނަ ބޮޑަށް ފާހަގަ ކުރެވޭ ބައެއް ވާހަކަތައް މިފަދަ އިންޓަރވިއޫ އެއްގައި ގެނެސްދިނުމުން ޒުވާނުންނަށް އިބްރަތަކަށް ވާނެތީ، ގެނެސްދޭނަމެވެ.


ރައީސް މައުމޫނުގެ ޕާސްޕޯޓު ހިފާއްޓަން އެންގުން:


ފަހެ، އެންމެބޮޑު ކަމަކަށް ދިމާވީ، 30 އަހަރު ރައީސްކަން ކުރެއްވި، ރައީސް މައުމޫނުގެ ޕާސްޕޯޓު ހިފާއްޓައި ދިނުމަށް އެދި ރައީސް އޮފީހުން ގުޅާފައި އެންގި އެންގުމެވެ. އަދި ފަހުން ރައީސުލް ޖުމްހޫރިއްޔާ ވެސް އެކަމާ ގުޅުއްވުމުން ނެވެ. ރައީސްގެ ޖަޒްބާތީ ޒުވާން ވިސްނުންފުޅު ހުރީ، އަހަރުމެންގެ ޕާސްޕޯޓުތައް ވެސް އޭރުގެ ރައީސް ހިފޭއްޓި ގޮތަށް ހިފާއްޓާލާފައި ކޯޓުން ދޫކޮށްލަން އެންގީމާ ދޫކޮށް ލެވިދާނެ ކަހަލަ ވިސްނުން ފުޅަކަށެވެ.


އެހެނަސް އިމިގްރޭޝަން ގާނޫނުގައި އޮންނަނީ، މީހެއްގެ ޕާސްޕޯޓު ހިފޭއްޓޭނީ ކޯޓުން ޝަރުއީ އަމުރެއް އޮވެގެން ކަމަށެވެ. އެހެންވެ މިކަން އަޅުގަނޑު ނުކުރީއެވެ. އެހެނަސް ސަލާމަތަށް ގެއްލުންހުރި ބޮޑު ކަމަކަށް ޝައްކު ކުރެވިއްޖެ ނަމަ ހިދުކޮޅަކަށް ނުކުމެ އެތެރެވާ ދިވެހީންނައި ސުވާލު ކުރެވޭނެ އިޚްތިޔާރު ކޮންޓްރޯލަރަށް އޮވެއެވެ. އަދި ބިދޭސީންގެ ވިސާތައް ހިފޭއްޓުމުގެ ބާރާއި ފުރުވާލުން، އަދި ރާއްޖެއަށް ވެއްދުމުން މަހްރޫމްކޮށް އަނބުރާ ފޮނުވާލުމުގެ ފުރިހަމަ ބާރު ސީދާކޮށް ކޮންޓްރޯލަރަށް ދީފައި އެގާނޫނުގައި އޮވެއެވެ.


ހަތެއް ފެބްރުއަރީގައި ރައްޔިތުންގެތެރެއިން އެދުމުންވެސް ރަސްމީމަގާމެއް ނެތި އިމިގްރޭޝަނަށް ނުވަނުން:


އާދެ! ދެން ދިމާވީ ކަންތައް ދިމާވީ، 2012 ގައި ރައީސް ވަހީދަށް ވެރިކަން ބަދަލުވެގެން ދިއުމުން، އަޅުގަނޑު މޯލްޑިވްސް އިމިގްރޭޝަނަށް އަލުން ކުއްލި ގޮތަކަށް، 8 ފެބްރުއަރީ ދުވަހު ބަދަލުކުރި ފަހުންނެވެ. އޭރު އަޅުގަނޑު ހުރީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރަށް ރައީސް ނަޝީދު ގެންނަވާފައެވެ. އެހެނަސް އޭރު އަޅުގަނޑު ހުރީ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓަށް، 21 ފެބްރުއަރީ 2011 ގައި ބަދަލު ކުރައްވާފައެވެ.


އާދެ! ރައީސް ވަހީދުގެ ސަރުކާރުން ކުއްލިކަމެއްގެ ގޮތުގައި އަޅުގަނޑު އިމިގްރޭޝަނަށް އެދުވަހު ގެންނަން ޖެހުނީ ކުއްލި ސަބަބަކާ ހެދިއެވެ. މިކަން އެހާ އަވަހަށް ކުއްލިގޮތަކަށް އެސަރުކާރުގެ އެންމެ ފުރަތަމަ ދެވޭ މިފެންވަރުގެ ވަޒީފާގެ ގޮތުގައި އަޅުގަނޑުގެ ވަޒީފާ އިމިގްރަޭޝަނަށް ބަދަލުކުރަން ޖެހުނީ، 7 އަދި 8 ފެބްރުއަރީގެ ސިޔާސީ ހައިޖާނުގަނޑު ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނަށް ބަޔަކުވަދެ ބައެއް ލިޔުންތަކައި ކުޅޭ ޚަބަރު ލިބިގެން، އަޅުގަނޑު އެތަނަށް ދިއުމަށް އެއްވެތިބި ރައްޔިތުންގެ ތެރެއިން ބަޔަކު އެދިގެންނެވެ.


އެކަންތައް ގަނޑު ތެރޭގައި އެތަނަށް، އިމިގްރޭޝަނަށް ދިއުމަށް އަޅުގަނޑައި ހަމައަށް އައުމުން، ގާނޫނީގޮތުން ބާރު ލިބިގެން ނޫންގޮތަކަށް އެތަނަށް ގޮސް އިމިގްރޭޝަން ތެރެއަށް ވަނުމަށް އަޅުގަނޑު އިންކާރު ކުރުމުން، ޖެހުނީ ވަގުތުން ރައީސްއޮފީހުން ފަތްކޮޅު ނެރޭށެވެ. ދެން ފަހެ، އަޅުގަނޑޔގެ އަތަށް ފަތްކޮޅާއި ޗިޓްސިޓީ ލިބުމުން ހަމަ އެވަގުތު އިމިގްރޭޝަނަށް ގޮސް އެއިދާރާގެ ކޮންޓުރޯލް ފުލްކޮށް ނެގީއެވެ. އަދި ހުރިހާ ކަމަކާއި ޒިންމާތަކައި އަލުން ހަވާލުވީމެވެ. މުޅިކޮންޓްރޯލް އަޅުގަނޑުގެ ދަށަށް ގެނައިމެވެ.


8ފެބްރުއަރީގައި އިމިގްރޭށަނާ ހަވާލުވި ފަތްކޮޅު
8ފެބްރުއަރީގައި އިމިގްރޭށަނާ ހަވާލުވި ފަތްކޮޅު

ރީކޯމޫސާގެޕާސްޕޯޓު ދޫކުރުމަށް ޑިފެންސުމިނިސްޓަރު ދަންވަރު އެދުމުން ކޯޓު އަމުރެއްނެތި އެކަން ނުކުރުން:


އާދެ! ތިންވަނައަށް ދިމާވި އަސްލު ކަންތަކަކީ، ބޮޑު ޑްރާމާއެއްގެ ސިއްރު ރޭވުންގަޑަކަށް ޑިފެންސް މިނިސްޓަރުގެ ވެސް ހަމްދަރުދީ ކަމުގެ ބާވަތުން ދަމައިގަނެވިފައި އޮތް ކަމެކެވެ. އެކަން ހިނގިވަގުތު ސަރުކާރުން އެކަން ނެންގެވީ ވަރަށް ސެންސިޓިވް ކަމަކަށެވެ. ބަޔަކަށް ހެސްކިޔާފަ އަނިޔާ ލިބުނީމާ ޓްރޭންޑް މިލިޓަރީ އޮފިސަރަކަށް އެހެން ވެދާނެ އެވެ.


އެ ހައްސާސީ ކަމަކީ، އެމްޕީ ރީކޯ މޫސާ މަނިކަށް 7 ފެބްރުއަރީ ދުވަހުގެ ހައިޖާނުގައި ލިބުނު އަނިޔާތަކާ ގުޅިގެން ކުއްލިގޮތަކަށް ކުއްލިފަރުވާ ދޭން ސްރީލަންކާއަށް ފުރުވާލަން ޖެހުނު ހިނދު، ކޯޓުގެ އަމުރަކަށް މޫސާމަނިކުގެ ޕާސްޕޯޓު ހިފާއްޓާފައި އޮތުމެވެ. އެ ޕާސްޕޯޓު ދޫކޮށްދިނުން އެދި އޭރުގެ އާ ޑިފެންސް މިނިސްޓަރ ކާނަލަ ނާޒިމް ސަރ އާއި ރައީސް އޮފީހުން ވެސް އަޅުގަނޑައި ގުޅުއްވިއެވެ.


އެހެނަސް، އަޅުގަނޑަށް ޖެހުނީ ކޯޓުއަމުރެއް ގެނައުމުން ނޫނީ އެރޭ ދަންވަރުގެ އިމަޖެންސީ އަކަށް ވިޔަސް، ހުއްދަ ދޫކުރެވެން ނެތްކަމަށް ދަންނަވައި މޫސާ މަނިކު އެރޭދަންވަރު ފުރުވާލުމަށް ޕާސްޕޯޓު ދިނުމަށް އިންކާރު ކުރާށެވެ. ކާނަލް ނާޒިމަށް ޖެހިވަޑައިގަތީ ކޯޓުހުޅުވުނު ގޮތަކަށް ހުޅުވައިގެން ކޯޓުއަމުރެއް އަޅުގަނޑަށް ފެންނަ ހިސާބަށް ފޯރުކޮށް ދެއްވާށެވެ. މިކަން ފުރިހަމަ ވެގެން ފުރުވާލެވުނީ، އަނެއްދުވަހު މެންދުރުއެވެ.


ފަހެ، އަޅުގަނޑު އިމިގްރޭޝަނަށް ވަދެ އޮފީހައި ހަވާލުވިއިރު، ތިންސޮފްހާގެ މިދެންނެވި ދިގު ކޯޓުއަމުރު އޮތީ ފައިލްކުރެވި ބޯޑަރކޮންޓްރޯލް ސިސްޓަމަށް އަޕްލޯޑު ކުރެވިފައެވެ. އެމްޕީ މޫސާމަނިކަށް ލިބުނު އަނިޔާއާއި ވީގޮތާއި މޭކްއަޕް ކޮށްދިން ޓެޑްގެ ވާހަކައާއި އެހައިޖާނަށް ދިވެހި ގައުމު ދިޔައިރު އެކަމާ ގުޅިގެން މަތީ ދަރަޖައިގެ ގިނަބައެއްގެ ޕާސްޕޯޓުތައް ހިފޭއްޓުމަށް އެދި ކޯޓު އަމުރެއްނެރެއް އިމިގްރޭޝަނަށް ފޮނުވީ، ކޮން ސިޔާސީ ބާރަކުން ކޮންގާޒީއަކު ކަމާއި ކޮންފުލުހަކު މެދުވެރުކޮށް ފުލުސް އޮފީސް ނަމުގައި ކޯޓަށް އަންގައިގެންތޯއާ އެކަންކަމުގެ ވާހަކަ ތަކަކީ، މުޅިން އެހެން ވާހަކަ އެކެވެ. ސުވާލުގައި ނެތް މާދުރުގެ ސިޔާސީ ވާހަކައެކެވެ! ވީމާ އެބައި ބޭއްވީއެވެ! ދޫކޮށް ލާނަމެވެ!


ސައޫދީ އަމީރާއެއްގެ ދެޕަޕީ އޭނާ އާއެކު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ:


އާދެ! ދެންދިމާވި އެނެއް ސެންސިޓިވް ކަމަކީ މަޖާހެއްވާ ކަމެކެވެ. ސައުދީ އެރެބިޔާގެ އަމީރެއްގެ އަނބިކަނބަލުން އޭނާގެލޯބިލޯބި ދެޕަޕީ ރާއްޖޭގެ ސަރަހައްދަށް ވައްދަން ހުއްދަނުދޭހާ ހިންދަކު ޖެޓުން ނުފައިބާ އިންނެވުމުން ރާއްޖޭގެ ސަރަހައްދަށް އެދެޕަޕީކުއްތާ ވެއްދުމުގެ ހުއްދައިގެ ކަންތަކެވެ. މިކަން ތަކުރާރުކޮށް އައީ އަޅުގަނޑާ ދިމާއަށެވެ. އެންމެފަހުން މިކަން ކުރީ ކޮންޓްރޯލަރުގެ ހުއްދައަކަށް ނޫނެވެ. ކޮންޓްރޯލަރ އަކީ ދިވެހީންނާއި ބިދޭސީން އިންސާނުން އެތެރެކުރާ ފަރާތް ކަމަށާއި ކުއްތާއާއި ޖަނަވާރު އެތެރެކޮށް ޒިންމާއުފުލާ މީހެއްނޫން ކަމަށް ބުނަންޖެހުނެވެ. ފަހުން އެނގުނު ގޮތުގައި އަރަބި ރެހެންދިކަމަނާ އާ އުކު ލޯބިލޯބި އެދެޕަޕީ އެތެރެކުރީ ރައީސް އޮފީހުން ޚާއްސަ ހުއްދައެއް ވަކި ސަރައްދެއްގައި ގެންގުޅެވޭ ގޮތަށް ލިބިގެން ކަމަށްވެއެވެ.


ރައީސް ޔާމީނު ވިދާޅުވިކަމެއްގެ ވާހަކަ:


އާދެ! ދެންދިމާވީ ދިގުމުއްދަތަށް ޒާތީވެ، ހަސަދައަށް ބަދަލުވެ އެކަން ދެމިގެންގޮސް ފައިވާ ކަމެކެވެ. އެކަމަކީ، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ޔާމީނާއި ކޮންޓްރޯލަރ އިލްޔާސް އާ ދެމެދު ދިމާވި އާދައިގެ ކަމެކެވެ. އެކަމުގެ ވިކްޓިމަކަށް ސިޔާސީ ގޮތުންވެފައި ވަނީ ސީދާ އަޅުގަނޑެވެ. ސީދާކޮށް އަޅުގަނޑައި ޔާމީނު ގުޅުއްވާފައި ކުޑަކަމެއް ކޮށްލަ ދިނުމަށް އެދި ވަޑައިގަތެވެ. އަޅުގަނޑުގެ އާދައިގެ މަތީން އާދޭހޭ ދެންނެވީމެވެ!


ވިދާޅުވީ، ކުއްޖަކު ފުރުވާލަން އެބަޖެހެ އެވެ. މިކަން ބަލާލަ ދެއްވާށެވެ. ފޯނުބޭއްވެވީ، ނޯޓަކާއެކު އެކުއްޖާ ފޮނުވާނަމޭ ވިދާޅުވެފައެވެ. ދެތިންހަތަރު ދުވަސް ފަހުން އޮފީހުގައި އިންދާ ޒުވާން ކުއްޖަކު ސިޓީއުރައެއް ހިފައިގެން އައިސް ބައްދަލު ކޮށްފައި ޔާމީނު ފޮނުވީމައޭ މިއައީ ބުނެފިއެވެ. ދެން އަޅުގަނޑު އެސިޓީއުރަ ކަނޑައި ނޯޓު ބަލައިލި އިރު، އަމިއްލަ އަތްޕުޅުން ލިޔުއްވާފައި އޮތީވެސް، މިނޯޓު ހިފައިގެން މިދާ ކުއްޖާގެ ކަންތައްކޮށްލަ ދެއްވުން އެދިވަޑައި ގެންފައެވެ. ދެން ހުރީ އޭނާއާބެހޭ ބައެއް ލިޔުންތަކެވެ. އޭނާގެ ކަންތައް އައިޓީ ސެކްޝަނާ ގުޅައިގެން ހަމައެވަގުތު އަޅުގަނޑު ބެލިއިރު މިކުއްޖަކީ، ކޯޓު އަމުރަކުން ޕާސްޕޯޓު ހިފާއްޓަފައިވާ ކުއްޖެކެވެ. ނ. އަތޮޅު ކުއްޖެކެވެ.


އާދެ! ކުރިން މިކަންކަމަކީ، ކޮންޓްރޯލަރގެ މޭޒުމަތިން އަމިއްލަ އަތުން ސިސްޓަމަށް ވަދެ، ކޮންޓުރީލަރ އަށް ކޮށް ލެވޭކަންކަމަށް ވާތީ، ބައެއް ސިޔާސީ ބާރުތަކަށް ހުރީ އެފަދަ ކަންކަން ކުރެއްވުން އާދައަކަށްވެ ހޭނިފައެވެ. އަޅުގަނޑަށް މިކަހަލަ ކަންކަން ކުރުމުގެ ޝައުގުވެރިކަން ނެތުމުން މޭޒުމަތީގައި ހުރި ކަމާބެހޭ ސިސްޓަމް ވެސް ވަނީ، އަޅުގަނޑުގެ ކޮޓަރިން ނެރެ ބޭރުކޮށް ލެވިފައެވެ. އަނެއްކާ މިކަލަކަންކަމާ އަޅުގަނޑު ނަފްރަތު ކުރާލެއް ބޮޑުކަމުން އިމިގްރޭޝަން ތެރެއިންވެސް ވެރިއަކަށް މިކަހަލަ ވާހަކައެއް އަހުރެން ގާތުގައި ބުނެހަދާކަށް ނުކެރެއެވެ. އަޅުގަނޑުލައްވާ ގޯހެއްހަދައި ކަމެއް ރާވާލާކަށް ވެސް ނުކެރެއެވެ.


އެކަމަކުވެސް، 2013 ވަނަ އަހަރު ޗުއްޓީއެއްގައި ކުރު މުއްދަތަކަށް އަޅުގަނޑު ނިއުޒިލެންޑަށް ފުރުމަށް އެއާޕޯޓުން ނުފުރުމުން ހަމްދަރުދީގެ ހިތާމާގައި އަޅުގަނޑުގަށް ހަމްދަރުދީވާ ވަރަށް މަސައްކަތްތެރި އޮފިސަރަކު އައިސް، އަންގާލާފައި ފުރަންދިޔަ ނަމަ އިލްޔާސް ފުރުމާލުމަކީ، އެއްވެސް ކަމެއްނޫނޭ، އެކަންކޮށް ދެވުނީހޭ ބުންޏެވެ. އެހެނަސް އެ އޮފިސަރަށް އަޅުގަނޑު ދަންނަވަން ޖެހުނީ، އެކަހަލަ ކަމެއް އޮތްތޯ އެއްވެސް އޮފިސަރަކާ ގުޅާނުލާ ފުރަންދިޔައީ ވެސް އެޒާތުގެކަމެއް ކުރާހިތް ނެތުމުންނެވެ. އަދި ފުރަން ދިޔަ ދުވަހު ކައުންޓަރުގައި އިނީވެސް އަޅުގަނޑަށް، ވަރަށް އިހުތިރާމްކުރާ އެހާމެ ގާތް އޮފިސަރެކެވެ.


އޭނާހުއްޓުން އަރާފައި އިންނާތީ އަޅުގަނޑަށް ޖެހުނީ އަނެއްކާ ކޯޓުން ހުރަހެއް އޮތީތޯއޭ އަހާށެވެ. ވަރަށް ނުބުނަން ލަދުން އިނދެފައި އާދޭހޭ ބުނުމުން އެހެން މީހުންނަށް ވެސް ހަދާހެން އަޅުގަނޑުގެ ޕާސްޕޯޓު ބާއްވާފައި އަވަހަށް ޗިޓެއް ހަދާފައިދޭށޭ ބުނަން ޖެހުނީ އަޅުގަނޑަށެވެ. ދެން އިމިގްރޭޝަން އެއަރޕޯޓް އޮފީސްތެރެއަށް ވައްދަން އުޅުމުން ވެސް ނުވަދެ އެތާބޭރުގައި އޮފިސަރުން ގެނެސްދިން ގޮނޑިއެއްގައި އިނގެދެން ގުޅަގުޅާވެސް ކޯޓުން އެއްވެސް މީހަކު ފުރުމުގެ އަމުރެއް ވަގުތުން އިމިގްރޭޝަނަށް ފޮނުވައިދޭން އެއްބަސް ނުވިއެވެ.


ގާޒީ އާ ގުޅުމުން ވެސް ފުރަން ހުއްދަ ނުދިނުން:


ތަކުރާރުކޮށް ގެއަށް ނުގޮސް އެގޮނޑީގައި އިނދެގެން ފަސްހަފަހަރު ގިނައިން ކުރި މަސައްކަތުން، ސީދާކޮށް ގާޒީ (އަބްދުﷲ) އާ ގުޅިއްޖެއެވެ. އެންމެފަހުން ހެޔޮހިތެއް ޖައްސަވައިގެން ފޯނު ނަންގަވައިފިއެވެ. ވަރަށް އުންމީދު އާވިއެވެ. އެހެނަސް ވިދާޅުވީ، "އެއާޕޯޓުގައި ހުންނެވި ޚަބަރު އޮތީކޯޓުން ލިބިފައެވެ. މައްސަލައިގެ ބާވަތުން ފުރުވައި ދެވޭން ނެތެވެ." އޭރު ބޯޓަށް އެންމެންއަރާ ނިމިއްޖެއެވެ. ދެން ޖެހުނީ ގެއަށް ގުޅާފަ މަންމަ ކައިރީގައި ކޯޓުން ހިފާއްޓާފާ އޮތީމަ ނުފުރުނޭ، ހަމަޖެހިލައިގެން މެންދުރު ފަހުން ގެއަށް މިއަންނީއޭ ބުނާށެވެ. އަދި އަންހެނުންނާއި ދަރީންނަށް ގުޅާފާ މިވާހަކަ ކިޔައިދޭށެވެ.


މިހުރިހާ ކަމެއް ނިމުއިރު އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތުން އަޅުގަނޑުގެ ފޮށިތަންމަތި ހުރީ ބޯޓުން ބާލައިގެން ގެނެސްދީ ފައެވެ. އެތާތިބި ހުރިހާ އޮފިސަރުންނާ ބަޣަލްގީރީ ސަލާމްކޮށްފައި ގެއަށް އައީއެވެ. ރަށުބަންދުގައި ބަންދުވެފައި ހުރިކަން ފުރަތަމަ ފަހަރަށް އަޅުގަނޑަށް ރެއަކާލީ އެދުވަހުވެ. ﷲ އަށް ހަމްދާއި ޝުކުރު ދެންނެވީމެވެ! ﷲ އެކަން ރަހުމަތަކަށް ހެއްދެވުމަށް އެދި ދުއާކުރީމެވެ!


ރައީސް ޔާމީނުގެ ރޭވުންތަކަށް ހަމަ ސާބަހޭ ހިތަށް އެރިއެވެ! އާދެ! މިއީ ރައީސްޔާމީނުގެ ވެރިކަމުގެ ހިނގި ހާދިސާއެކެވެ. ކުރީގެ ވާހަކައަށް ދާނަމެވެ! އަޅުގަނޑު ކައިރިއަށް ނޯޓެއް ދެއްވާފައި ޔާމީނު ފޮނުއްވި ނ. އަތޮޅު ކުއްޖާ ގާތުގައި ބުނަން އަޅުގަނޑަށް މަޖުބޫރުވީ، ތިޔަކަންތައް ކޮށް ދެވޭކަށް ނެތޭ ވީހާ އަވަހަށް ގޮސް އިލްޔާސް މިގޮތަށް ބުނެފިއޭ ދަންނަވާށެވެ. އަދި ކޯޓު އަމުރެއް އިމިގްރޭޝަނަށް ލިބުމުން ހަމަ އެހިނދުން އެހިނދަށް ކިތަންމެ ދަންވަރަށް ވިޔަސް، އަދި ނުރަސްމީ ގަޑިއަކަށް ވިޔަސް ތިޔަކަން ކުރެވިދާނެއޭ އިލްޔާސް ބުންޏޭ ހަދާންކޮށް ދަންނަވާލަ ދެއްވާށެވެ. އެކުއްޖާ ޔާމީނު އަރިހަށް ގޮސް އެދުވަސް ވަރު ދެންނެވި އެއްޗެއް ސާފެއް ނުވެއެވެ. މިކަންތައްކޮށް ނުދެވުނީ ކޯޓުއަމުރަކުން ޕާސްޕޯޓު ހިފާއްޓާފައި ހުރި ކުއްޖަކަށް ވެގެންނެވެ.


ފަހެ، އެއަށް ފަހުން އަދިއަދަށް ވެސް ޚަބަރެއް ބަސްފުޅެއް ހިލަމެއް ނުވެއެވެ. ދެން އަޅުގަނޑައި އެމަނިކުފާނައި ދިމާވީ، އަޅުގަނޑުގެ ދެވަނަ ސިޔާސީ ޕާޓީ ގައުމީ އިއްތިހާދުޕާޓީ އުވާލާފައި ޕީޕީއެންމްގެ ފޯމްގައި ސޮއިކޮށް އެފޯމު އަތްޕުޅަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަލާމްކުރި ވަގުތުއެވެ. އެމަންޒަރުގެ ފޮޓޯގައި އަޅުގަނޑު އެއްޗެއް ދަންނަވާތަން ފެންނާން ހުންނާނެއެވެ. ވީޑިއޯއިން ވެސް ސާފުވާނެއެވެ. އެފޮޓޯގަނޑު މީޑިއާގައި ދައުރުވާތަން އެދުވަސްކޮޅު ފެނުނެވެ. އަހުރެންނަށް ރައްކާކުރެވިފައެއް ނެތެވެ.


އެވަގުތު އަޅުގަނޑު އެދަންނަވާ އެއްޗަކީ، "ބަސްނާހާ ސިޔާސީދަރިއެއްގެ ބަލަދު މަނިކުފާނަށް ތިޔަ އެރީއޭ، ރަނގަޅަށް ބަލަހައްޓަވާނެ ކަމުގެ އުންމީދު ކުރަން" މިހެންނެވެ. ކުޑަގޮތަކަށް ހިނުތުން ވެލައްވައި ޝުކުރިއްޔާ އޭ ވިދާޅުވި އަޑު އިވުން، ފިޔަވައި އެހެން ބަސްފުޅެއް ނާދެއެވެ. ދެން ލިބުނީ އަޅުގަނޑު ވަޒީފާއިން ވަކިކުރި ރަސްމީ ސިޓީއެވެ. އަދިވެސް ސިޔާސީ ހަމަލާތަކާއި ހުރަސްތައް ޕީއޭ ފިކުރުގެ ތެރެއިންލާފައި އަބަދުވެސް ފެންނަމުން ތަކުރާރުވަމުން އަހުރެންނާ ދިމާއަށް އާދެއެވެ.


ވަޒީފާއިން ވަކިކުރެއްވި ސިޓީފަތްކޮޅު
ވަޒީފާއިން ވަކިކުރެއްވި ސިޓީފަތްކޮޅު

ކުދިކުދި ޖެޓުތަކުގައި އަންނަ ގޮތްނޭނގޭ މީހަކު އެތެރެނުކުކުރުން:


ދެން ވެސް ބައެއް ކުދިކުދި ކަންކަމައި ދިމާވެފައި އެބަހުއްޓެވެ. ބައެއް ކުދިކުދި ޖެޓުތަކުގައި ރާއްޖެއަށް އަންނަ ސިއްރު މީހުން ކޮންބައެއްކަން އަންގައިދޭ ލިޔުންނެތި އެތެރެކޮށް ދިނުމަށް އެދި މަތީފަޑީގައި ތިއްބަވާ ސިޔާސީ ވެރިންގެ ފަރާތުން އާދެއެވެ. އަޅުގަނޑު އަމަލު ކުރަމުން ގެންދިޔައީ އެމީހެއްގެ ރަށުގެ އެންބަސީން ނުވަތަ ރަށުގެ ފޮރިން މިނިސްޓްރީން ލިޔުމެއް މެއިލްކޮށް ނުވަތަ އެހެން ވަސީލަތަކުން އިމިގްރޭޝަނަށް އެފަދަލިޔުމެއް ލިބުނީމާ ނޫނީ ރާއްޖޭގެ ސަރަހައްދަށް އެތެރެވުމުގެ ހުއްދަ ނުދީ ޖެޓުގައި ބޭންދުމެވެ. ނޫނީ ފުރައިގެން ދާންވީއެވެ. އެއީ ގައުމީ ސަލާމަތަށްޓަކާ އިތުބާރު ކުރެވެން ނޯންނާތީއެވެ.


މިކަމާ މަތީފަޑީގެ ސިޔާސީ ގިނަބަޔަކު އަޅުގަނޑުދެކެ ވަރަށްހިތްހަމަ ނުޖެހޭކަން އެނގިފައި ވެއެވެ. ރައީސް ނަޝީދު އަރިހަށް ޝަކުވާތައް ގެންދާކަން ވެސް އެނގުނެވެ. އެމްޑީޕީގެ ތެރެއިން ތަންކޮޅެއް ފަހުން އާންމުކޮށް ފެންނަން ފެށި، ކުރެފާ ނަސީމް އާއި ސްޕެޝަލް އެންވޮއި ޒަކީމެން، އަދި ޑޮކްޓަރ ޝަހީދު ކުއްޓިމެންފަދަ ސިޔާސީ ބޭފުޅުން އެވާހަކަތައް ރައީސް އޮފީސް ތެރޭގައި ދައްކަވާކަން އަޅުގަނޑަށް އޮތީ ބައެއް މީހުންގެ ފަރާތުން އިވިފައެވެ.


އެހެނަސް މިއިން ބޭފުޅަކަށް ސީދާކޮށް އަޅުގަނޑާ ދިމާކުރާކަށް އެއްޗެއް ވިދާވާކަށް ނުކެރެއެވެ. ގުޅާލައްވާފަ އެކަން ނުވީމައި ޚަބަރެއް ނުވެ އޮންނަނީއެވެ. މިބޭފުޅުންގެ އިތުރުން މިކަހަލަ ސިޔާސީ ކަންކަމާ ގުޅާ ހެއްދެވީ، ޗީފް މައުސުމް އާއި ކޮއްޓޭ ސައީދެވެ. މިއިން އެއްވެސް ބޭފުޅަކު ގުޅުއްވިޔަސް ރަސްމީ ލިޔުން ލިބުނީމާ ނޫނީ އެއިން ބިދޭސީމީހަކު ބޯޑަރުން އެތެރެނުކޮށް އަޅުގަނޑު ހިފޭއްޓީމެވެ.


މިނިސްޓަރ ހަސަންކޮ ރައީސް އޮފީސް ތެރޭގައި ގާނޫން މަނާކޮށްފައި މިކަންތައް އޮތަސް އޭގެ މާނަ ކޮށްދީފައި އޮތީ، ލިޔުމެއް ނެތަސް ކޮންޓްރޯލަރަށް އެފަދަ މީހުން ވެއްދުމުގެ ކުއްލިހުއްދަ ދެވިދާނެ ކަމަށެވެ. އެހެނަސް އަޅުގަނޑު ގަބޫލުކުރާ ކުއްލިހާލަތެއް، އަޅުގަނޑު ނުވައްދައި ހިފޭއްޓި ނުވަތަ ފުރުވާލި ބިދޭސީ މީހަކަށް ދިމައެއް ނުވެއެވެ. ފަހެ، މިފަދަ ގޮންޖެހުންތަކައި އެކުވެސް އަޅުގަނޑުގެ ގޮތާއި ފޮތާއި އަޒުމުގައި ދެމިހުރީމެވެ. ގާނޫނުން ބޭރުކަމެއް ނުކުރަމެވެ. އިމިގްރޭޝަން ގާނޫނު ދެމެހެއްޓީއެވެ.


އެހެންވެ ނަތީޖާ ދައްކާފައި މިހިރީ ވަރަށް ހިތިކޮށެވެ. ޒަމާނަށް ފެތިގެން އާހޫން ކިޔަން އުޅެވުނު ނަމަ މަގާމުގައި ދެމި ހުރެވުނީހެވެ. އެފަސާދަ ތަކުގައި ބައިވެރިވެ ބައިއަޅަމުން އޭގެތެރޭގައި ދެމިހުރިނަމަ، މިހާރުގެ ކަޅުފައިސާ ދޮވުމުގެ ހީރޯއިންގެ ތެރެއިން އެކަކަށް އަޅުގަނޑު ވެސް ވާނެކަން ކަށަވަރެވެ. މިގޮތަށް ގޭގައި ތާށިވެފައި ސިޔާސީ ގޮތުން ކަތިލެވިގެން ބޭރަށް ނުފުރިފައި ހުންނާކަށް ނުޖެހުނީހެވެ. އެކަމަކުވެސް އަޅުގަނޑަކީ އަމިއްލަ ޒަމީރު، މުޖްރިމެއްގެ އަތްދަށަށް ދޫކޮށްލާނެ އިންސާނެއް ނޫނެވެ.


އަދިވެސް ގިނަގޮންޖެހުން ތަކައި އެހެން މުއައްސަސާ ތަކާ އެކުވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ކަންކަން ކުރަން ފެށުމުން، އެކިއެކި ކޫސަނި ކަންތަކާ ވެސް ކުރިމަތި ވިއެވެ. ލޭބަރ މިނިސްޓްރީ އޭރު ހިންގެވި އިސްފަރާތް ތަކާއި ކަސްޓަމްސް އޭރު ހިންގެވި އިސްފަރާތައި ޕްރިސަންސް އޭރު ހިންގެވި އިސްފަރާތާ އެކު ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވަމުން ދިޔައެވެ. ކަސްޓަމުން ބޭނުންވަނީ އިމިގްރޭޝަން އުވާލައި އެތާގެދަށަށް ގެއްދާށެވެ. އަދި އެތަނުން ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް އަމިއްލައަށް ގައިމު ކުރާށެވެ.


އިމިގްރޭޝަނުން ބިމެއް ހޯދިއްޔާ އެތަނެއް ޕްރިސަންސަށް ނަގަން ޖެހެއެވެ. ހުޅުމާލޭން އިމިގްރޭޝަނަށް އަޅުގަނޑު ހުރެގެން ޑިޓެންޝަން ސެންޓަރު ގައިމުކުރުމަށް ހޯދިބިން މިހާރުވަނީ، އެސެންޓަރާ އެކު ޕްރިސަންސަށް ނަގައި ވެރިކޮށް ލާފައެވެ. އަޅުގަނޑު ހުރެގެން އެކަންއޮތީ ނުވެފައެވެ. އިމިގްރޭޝަން މިއޮންނަނީ މާދަށްކޮށް ލާފައެވެ. ތަންފީޒީ އެހެން އިދާރާތަކުން ބޭނުންވާ ކަންކަން އިދާރީގޮތުން ކުރުވަން އޮންނަ ތަނެއްގެ ގޮތުގައި ބާއްވާފަ އެވެ. ވަރުގަދަ ތަންފީޒީ އިދާރަކަށް އިމިގްރޭޝަން ހަދާކަށް ބޭނުމެއް ނުވެއެވެ.


އަޅުގަނޑު އައުމުގެ ކުރިން ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާއި ޑިޓެއިންކޮށް ޖޫރިމަނާއަށް ދާންދެން ނަގާހެދީ ލޭބަރ މިނިސްޓްރީންނެވެ. އަޅުގަނޑަށް މިކަންވީ ވަރަށް ހެއްވާ ކަމަކަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން ނޫންގޮތަކަށް ވިސާދީ ވިސާފީނަގައި ޖޫރިމަނާ ކުރަމުން ދާތީއެވެ. އެބޭފުޅުން ބާލާ ރުޅިއަކީ މިއީއެވެ. އަޅުގަނޑު އިމިގްރޭޝަނަށް ގެންނަން ބޭނުންވެގެން ޕްލޭންކުރި ގިނަ އިސްލާހުތައް މިހާރުވަނީ، ޕްރިސަންސް ހިންގުމަށް ގެނެވިފައެވެ. އަދި އިމިގްރޭޝަނުން ކޮންޓްރޯލަރ ކުރަންޖެހޭ ގިނަކަންކަން ވަނީ އެހެން އިދާރާތަކަށް ބަދަލުކޮށް ފައެވެ.


އިންސާނީ ވަގުފާރި ހުއްޓުވުމުގެ ކަންކަން ފަދަ ބައެއްކަންކަން، އެހެންފަރާތްތަކުން ކުރާކަންކަމުގެ ގޮތުގައި ވަނީ މުޅިންހެން ނަގާފައެވެ. ބަދަލުކޮށް ފައެވެ. ވަގުކަންކަން ކުރުވުމަށާއި އެކަން ހިންގުމަށް ފަސޭހައަށް ޓްރޭޑްގެ ދަށަށް އެކަންވެސް ގެންގޮސްފައެވެ. ފަހެ، މިފަދަ ކޯޅުންތައް ހަމަޖެހުމަކަށް ގެނައުމަށް، ގިނަ ބައްދަލުވުން ތަކެއް ބާއްވާއި ގިނަގުނަ މަޝްވަރާ ތަކެއްގައި އުޅެންޖެހި ކަންކަން ނުކުރެވި މަޑުޖެހެން އެރުން ކުޑަކޮށް ދިމާވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ.


ފަހެ، މޯލްޑިވްސް އިމިގްރޭޝަން ރިފޯމްކޮށް މުސްތަގިއްލު ތަންފީޒީ އިދާރާއަކަށް ހެދުމަށާއި އިމިގްރޭޝަން ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭތޯ މިހުރިހާ ގޮންޖެހުން ތަކާ އެކުވެސް އަޅުގަނޑު ބެލީމެވެ. މިގޮތުގައި ދެމި ހުރުމަށް ކުރި މަސައްކަތް ފެއިލްކޮށްލީ ސިޔާސީ ގޮތުން ގިނަކަންކަން ސިޔާސީ ނުފޫޒުހުރި ބަޔަކު އިސްކޮށް ތިބެ ރާވާއި ހިންގައި ގެންނެވެ. އަޅުގަނޑުގެ ވާހަކަތައް އަދި އިންޓަރވިއޫތަކާއި ބަސްދީގަތުންތައް މީޑިޔާއިން ނުގެނެވޭ ގޮތަށް އޮތީ ބްލޮކް ކޮށް، ހުރަސްއަޅާފައެވެ. އެކުގައި ހެން އެމަގު ބަންދުކޮށްފައެވެ.


އެހެނަސް އެހެން ފަރާތްތަކުން ނުސީދާ މަގުން ޓީވީތަކަށް އަރުވައި ބައެއް ނޫސްވެރިންނަށް އުޖޫރަދީގެން ކުލީ ސިޔާސީ ލިޔުންތައް ލިޔުވައި ހެދިއެވެ. މިގޮތުން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ފެއިލްކޮށް ލުމަށް، އޭރުގެ އެމްޕީ ކާނަލް ނަޝީދު އަރުވައިގެން ވަރަށް ގިނަގުނަ އަސްލައި ދުރު ވާހަކަތައް ދެއްކުވިކަން ފާހަގަ ކުރެވިފައި ވެއެވެ. ފަހެ، ކާނަލްއަކީ، ކުއްުޔަށް ހިފޭ މަޖޫރީ ޝަޚްސިއަތެއް ގޮތުގައި އަބަދުވެސް އޭރު ހޮވިފައި ހުންނަ ބޭކަލެކެވެ.


އަދި އޭސީސީގެ ރައީސަށާއި ނައިބަށް ގަދަ މިންވަރަކަށް ނުފޫޒު ފޯރުކޮށްގެން މަތީ ދަރަޖަ އަކަށް ސިޔާސީ ގޮތުން އަޅުގަނޑު ކަތިލާލުމުގެ މަސައްކަތް ރާވައިގެން ބަޔަކު ހިންގިއެވެ. ފަހެ، އެ ދުވަސްވަރު އޭސީސީގެ އެންމެއިސް މި ދެވެރިން މީޑިޔާއަށް އަރާތިބެގެން ދެއްކި ވާހަކަތައް މީހަކު މިއަދު އަޑުއަހައިފި ނަމަ،  އެއީ ސީދާ އިންސާނެއްގެ އިންސާނީ ކަރާމަތާއި އަބުރަށް އަރައިގަތުން ކަމަށް އަޑުއަހާ ފަރާތަކުން ގަބޫލު ކުރާނެއެވެ. އަދި ސިޔާސީ ގޮތުން ކުޅެމުން، ހިންގަމުން ދިޔަ ޖަރީމާއެއްކަން ސާފުވާނެއެވެ.


އަދި ޔާމީނުގެ ދަގަނޑު އަންހެނާ "އާޒިމާ" އަށް މިކަމުގެ ލަފާހޯދުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުންކުރި ޚަރަދުތައް މިއަދުވެސް ބަޔަކު ބަލައިފި ނަމަ ހޯދޭނެއެވެ. އެއީ ޖީއެމްއާރު ކޭސް އާއި ނެކްސްބިސް ކޭސް އިން ނާޒާއިޒު ފައިދާތަކެއް ދެފަރާތުން ވެސް ނެގުމަށް އަޒުމެއް ގެންގުޅުނު ފިސާރި ހަކަތަ ހުރި އަންހެނެކެވެ. ހަމަ އަޔަންލޭޑީ އެކެވެ. ސިންގަޕޫރުގައި ހިނގަމުންދިޔަ، އަދި މިހާރު ވެސް ހިނގަމުންދާ އާބިޓްރޭޝަން ތެރެއަށް އެކަމަނާގެ ދަނގަޑު ދިގުއަތް ބޭނިއެވެ. ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ހައްލެއް ގެންނާނެ ވާހަކަ ބުނަނީ އެ ބޭނުމުގައެވެ.


މިހާރުގެ ރައީސް ޔާމީނުގެ ސަރުކާރު ތެރެއަށް ދަގަނޑުއަތް ގެންދަން ޖެހުނީ ވެސް އެފަދަ އުކުޅުތަކެއްގެ ތަސައްވުރެއް ދައްކައި ގެންނެވެ. ރައީސް ވަހީދު ހެއްދެވި ރިޕޯޓުތަކެއް މަސްއޫދެގެ އަތުން މަކަރުން ދަމައިގަނެ ގެންނެވެ. ފަހެ، އެދަގަނޑު އަތަކީ ރައީސް ވަހީދުގެ ސަރުކާރު ތެރޭގައި ވެސް ގަދަހަދާލާފައި ހެސްކިޔާފަ އަނބުރާލި ފިސާރި އަތެކެވެ.


ފަހެ، އަޖައިބުން އަޖައިބަކީ ހުރިހާ ކަމެއް ސެޓްވެފައި ހުންނަން ޖެހެނީ، ކޮރަޕްޝަނާއި ފަސާދަ ފެތުރިގެންދާ ގޮތަށެވެ. އެންމެފަހުން އަޅުގަނޑު ފެއްޓި ހުރިހާ މަސައްކަތެއް ހުއްޓާލީ، އަޅުގަނޑު އިމިގްރޭޝަނުން ބޭރުކޮށް ފައެވެ. އަޅުގަނޑު އެއިދާރާއިން ބޭރުނުކޮށްފި ނަމަ، ރައީސް ވަހީދުގެ މައްޗަށް މަޖިލީހުން އިތުބާރު ނެއްކަމުގެ ވޯޓެއްނަގާނެ ކަމުގެ ބިރުވެސް ދެއްކިކަމަށް ވެއެވެ.


ފަހެ، އެޗެޕްޓަރު ނިންމާލީ އެ އިދާރާއިން އަޅުގަނޑު ބޭރުކޮށް މުޅިން ނިންމާ ލާފައެވެ. ޑާރޓީ މުޑުދާރު މުޖްރިމުންގެ ރާޒުވާ ކުޅިތައްރާވައި ނުފޫޒުގަދަ ފަރާތްތަކުގެ ބާރުގައި ސިޔާސީ ގޮތުން ކުޅުނީމައި ދުނިޔޭގައި ކާމިޔާބު ހޯދެއެވެ. އެހެނަސް އޭގައި ރޫހާނިއްޔަތެއް ނުވާނެއެވެ. ރައީސް ޔާމީނަށް ބައްލަވާށެވެ. އިދިކޮޅުގައި ތިބެގެން، އިދިކޮޅު މީހުން މީގެ ވިހި އަހަރު ކުރިން ރައީސް ޔާމީނާ ދިމާއަށް މިހާރު މިކިޔާ ހުރިހާ އެއްޗެއް ގޮވަމުން ދިޔަ އިރުވެސް އޭނާގެ ރޭވުންތައް ހުއްޓުމަކަށް ނައިސް ކުރިޔަށްދާތަން ފެނުނެވެ. އަދި ވެސް މިފެންނަނީ ކުރިޔަށް ދާތަނެވެ. އޭރު އަޅުގަނޑުމެން ނުކިޔާ އެއްޗެއް މިހާރަކު ވަކިން އަލަކަށް ކިޔާކަށް ނެތެވެ. ދަނީ ހަމަ ކުރިޔަށެވެ! ބާރަށް ކުރިޔަށެވެ! ފަހެ މިއީ ކެރުމެވެ!!


އާދެ! އަޅުގަނޑު ދެވަނަ ފަހަރަށް އިމިގްރޭޝަނަށް ވެއްދީމައި ފުރަތަމަ ދުވަހުން ފެށިގެން، އެއީ ނުބައިމަގުން ރައީސް ވަހީދު އެޅުއްވި ފިޔަވަޅެއް ކަމުގައި ރައީސް ޔާމީނު ވިދާޅުވެ، ރައީސް ވަހީދަށް އެކަން އެންގެވި އެވެ. އަދި އެހެނިހެން ގޮތްގޮތުން ވެސް އެ ނުރުހުން އެކިތަންތާގައި ފާޅުކުރައްވާފައި ވެއެވެ. އެހިސާބުން އިމިގްރޭޝަނުން އަޅުގަނޑު ނެރުމަށް، ރައީސް ވަހީދަށް އެކިގޮތްގޮތުން ގެންދިޔައީ ސިޔާސީ ޕްރެޝަރު ދެމުންއެވެ.


ދަގަނޑުއަތް ކަހަލަ ހަކަތަވަޒީރުން ކޫސަނިކަން ދައްކާއި ބޮޑާ ހޭކުމަށް ފަހު، ސިންގަޕޫރަށް ގޮސް އެންބުރި ނައިސް ހުރެ، އިމިގްރޭޝަނުން އިލްޔާސް ބަދަލު ނުކޮށްފިއްޔާ އިސްތިއުފާދޭން ބުނެ، އެހިސާބަށް ސިޔާސީގޮތުން މި ކަންތައްގަނޑު ދުއްވާލި އެވެ. ހޯމް މިނސްޓަރ ޖަމީލް ލައްވައި ސިޔާސީ ބަޔަކު އެވަރު އަރުވާލިއެވެ. މީރު މީނާ އަކީ އޭރު ދާޚިލީވަޒީރެވެ. ގިނަކަންކަމުގައި މަޝްވަރާ ކުރަމެވެ. އެހެނަސް އަޑިން ނިޔަތް ވަރަށް ނުބައިކޮށް ދެއްކެވިކަން ސާފުވިއެވެ.


އެންމެފަހުން އަޅުގަނޑު ކޮންޓްރޯލަރ ކަމުން ދުރުކޮށް އަޅުގަނޑުގެ ނުގަބޫލުގައި ރައީސް ވަހީދު ލައްވައި މިނިސްޓްރީ އޮފް ޑިފެންސުގެ ސްޓޭޓް މިނިސްޓަރަށް ބަދަލު ކުރެއްވީ އެވެ. މިހުރީ ހަގީގީ އަސަރުތަކެއް ހުރި، ހިތުގެ އެންމެއަޑީގެ ވާހަކަ ތަކެވެ. ޒުވާން ދިވެހިން ކުރިމަގު ފަރުމާ ކުރުމަށް ބޭނުންތެރި ފިލާވަޅެވެ. ކިޔާލައްވާށެވެ!


އާދެ! މިވާހަކަ ތަކަކީ، ޒުވާން ދިވެހީންނަށް އެންމެ އަޑި އާއެކު، އެނގެން ޖެހޭ މުހިންމު ވާހަކަ ތަކެވެ. ފަހެ، މިހުރިހާ ކަމެއްގެ ނަތީޖާ އަކަށްވީ މިހާރު އަނެއްކާ ވެސް މި ފެންނަމުންދާ މަންޒަރުތައް ކުރިއެކޭ އެއްގޮތަށް އިއާދަވެ، މޯލްޑިވްސް އިމިގްރޭޝަން ތެރެއިން ފެންނާން ފެށުމެވެ. ރޯމާދުވާލު މެންދުރު ލަންޗުބްރޭކް ގަޑީގައި ވެސް ކައުންޓަރު ތަކުގައި ޖަމާވެފައި ހުންނަ ފައިސާކޮޅު ޖަހައިގަނެވޭ ގޮތަށް މުޅި ސިސްޓަމް އެނބުރި އިއާދަ ވުމެވެ. އެތެރޭގެ ވަގުފާރި ފެށިއްޖެއެވެ.


ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވުޖޫދުކޮށް މިކަންކަން އިސްލާހު ކުރިޔަ ނުދިނީ މިފަދަ ފައިދާތައް ނެގޭ ގޮތަށް އިމިގްރޭޝަން ބޭއްވުމަށް ސިޔާސީ ބޮޑުންގެ ބަޔަކު ބޭނުން ވާތީއެވެ. މިހާރު ފެންނަމުން އެދަނީ، އެންމެ ކުރީ ޒަމާނުއްސުރެ ބިދޭސީންގެ ކަންކަން އޮތްގޮތަށް ހަމަޖެހި ދެމިގެންދާ ގޮތަށް ހުޅުވާ ލެވިފައިވާ މަންޒަރެވެ. އޭސީސީގެ ޝިކާރައަކަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އަޅުގަނޑު ހަދައި ސިޔާސީ ގޮތުން ކަތިލާލި ގޮތަކީ، އަދި ކަތިލުމުގެ ބޭނުމަކީ، މިއީއެވެ. އަދި އެ ސިޔާސީ ކަތިލުމުގެ ފައިދާ އަކީ ވެސް މީއެވެ. ނަތީޖާ އެއޮތީ ރީތިކޮށް ފެންނާށެވެ! ހިތާމަ ހުއްޓެވެ!! ވާހ މަގޭ ލޮބުވެތި ގައުމާއެވެ!!


ފަހެ، އަޅުގަނޑުގެ ފަރާތުން ހިނގާފައިވާ ބައެއް އިދާރީ ކުދިކުދި ކަންކަން ނަގައި ބޮޑުކޮށްގެން، އަސްލެއް ނެތް، ފެބްރިކޭޓަޑް ކޭހެއް ޖެނެރޭޓުކޮށް ދޮގު ތުހުމަތުގެ ދައުވާއެއް ކޮށް ސިޔާސީ މަސްރަހުން އަޅުގަނޑު ދުރުކޮށް ކަތިލީ، އަޅުގަނޑުގެ ބޮލުގައި ދޮގުތުހުމަތު ތަކެއް އަޅުވައި ޝަރުއީ ދައުވާއެއް ކޮށް ގެންނެވެ. އަދި ރާއްޖެއިން ފުރުން ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހިފާއްޓާއި ރަށު ބަންދުވެފައި ހުންނަން މަޖްބޫރު ކުރުވީ މަކަރާއި ހީލަތުންނެވެ. އެއްވެސް އަސްލެއް ނެތިއެވެ.


އެހެނަސް އަދި ވެސް، ﷲގެ އިރާދަފުޅުން އަޅުގަނޑުގެ ދިރިއުޅުން ފޫބެދި އަމިއްލަ ޒަމީރުގެ ޚިޔާލުތަކާއި ފިކުރުތައް މިގެންދަނީ ހައްދެއްނެރި ފާޅުކުރަމުން ނެވެ. ލޮބުވެތި މަގޭ ގައުމަށްޓަކައެވެ. އަނބިދަރީން ރާއްޖެއިން ބޭރުގައި މުހާޖިރުން ގޮތުގައި އުފަލުގައި ޒިންދަގީ ހޭދަކުރަމުން އެބަ ގެއްދެއެވެ. މިހާރު ލޮބުވެތި ދެދަރީންނަށް އަމިއްލައަށް އުޅެވޭވަރު ވެއްޖެއެވެ. ﷲގެ ރަހްމަތްޕުޅު ފުޅާވެފައި ބޮޑެވެ! ދީލަތިއެވެ! ތަނަވަހެވެ! ނިޔަތް ރަނގަޅު އިޚްލާސް ތެރީންނަށް އޮތްމަގަކީ އެއީކަން، ހިތުގެ އަޑީން އަބަދުވެސް ގަބޫލުކުރަމެވެ.


އިންސާފު ދިނުމަކީ ރައްޔިތުންގެ ހައްގަކަށް ވާތީ، ގިނަ ރައްޔިތުންގެ ފަރާތުން އެކަން އަޅުގަނޑަށް ހެސްކިޔާފަ ލިބެއެވެ. އުފާވެރިއެވެ. ގުޅާއިހަދާ ބައދަލު ކުރަމުންދާ ބަޔަކު އަބަދުސް ތިބެއެވެ. އެ ހިތްހަމަޖެހުމާއި ހިނިތުންވުން ގިނައިން ލިބެއެވެ. އެލޯތްބާއި ކުލުނު ލިބެއެވެ. އަބަދުވެސް އޮހެމުން ދެއެވެ. އެ އުފާތަކުން އަބަދުވެސް ހިތަށް ފިނިކަން ލިބެއެވެ. ރޫހަށް ކާނާ ލިބެއެވެ. ހަށިގަނޑަށް ހަކަތަ ލިބެއެވެ. ދުނިޔޭގެ އުފަލަކީ އެއީ ނޫން ތޯއެވެ. އާޚިރަތުގެ މަޣްފިރަތަކީ އެއީނޫން ތޯއެވެ. ދާއިމީ ސުވަރުގެއަކީ އެއީނޫން ތޯއެވެ. އަލްޙަމްދުލިއްލާހި!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page