top of page

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު ފަހެއް

  • Writer: ilyashusein
    ilyashusein
  • May 12
  • 10 min read

މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.


ސ،ފަހެއް: ޑޮކްޓަރ ވަހީދު ރައީސްކަމަށް ވަޑައިގެން ލޯންޗްކުރެއްވި މޯލްޑިވްސް ނެޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީ ޑިޒައިން ކުރައްވާއި އެކުލަވާލައް ވާފައިވަނީ، ސަރުކާރުގެ ހުރިހާ ދާއިރާ ތަކެއް ރައްކާތެރި ކުރެވޭނީ، އެހުރިހާ ފަރާތްތަކުން އެއްބާރުލާއި ގުޅިގެން ހިންގާނެ އެއްޕޮލިސީ އެއްގެ މައްޗަށެވެ. އެ ޕޮލިސީއަށް ބަލާއިރު ނޯޓިސް ކުރެވެނީ، ޖުމްލަކޮށް އެސިޔާސަތު ފަރުމާ ކުރެވިފައި ވަނީ، ވަރުގަދަ ދީނީ އަސާސެއްގެ މަތީގައި ބިނާވެފައި އޮތް ދިފާއީ ޕޮލިސީއެއްގެ ގޮތަށެވެ. ދުނިޔެލާމެހި އެކަތިގަނޑަކަށްވެ، ސަލާމަތީ ނުރައްކާތަކާއި އިންޒާރުތަކުން ރައްކާތެރިވުމަށް މުޅިދުނިޔެ އެއްގަލަށް އަރައި މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ހަމައެކަނި ގައުމީ އެއްބައި ވަންތަކަމާއި ދީނީ އަސާސެއްގެ މަތީގައި ގައުމުގެ ދިފާއީ ޕޮލިސީ ބިންވަޅުނެގި ހަނިވެފައި އޮތުމަކީ، އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅުގޮތް ތޯއެވެ؟


ގައުމީސަލާމަތީ ޕޮލިސީއެއް ބޭނުންވޭ:

 

ޖ، ފަހެއް: ތިޔަވިދާޅުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީ އެކުލަވާ ލުމުގައި އަޅުގަނޑަށް އުޅެވިފައިވާ ކަމެއް މުޅިންސާފެއް ނުކުރެވުނެވެ. އެއީ ތިޔަ ޕޮލިސީ ހޯދަން އުޅެއުޅެ ބަލާލަން ނުލިބި ނުފެނުމުން ނެވެ. ކިޔާލަން ނުލިބުމެވެ. އެހެނަސް ތިޔަ ދުވަސްވަރަކީ، ކޮންޓްރޯލަރގެ ހައިސިއްޔަތުން ގައުމީ ސެކިއުރިޓީ ސިޔާސަތެއް ހެދުމަށް ބޭއްވުނު ބައްދަލުވުން ތަކުގައި އަމަލީގޮތުން އަޅުގަނޑު އުޅުނު ދުވަސްވަރެވެ.


ޑިފެންސް މިނިސްޓަރަކަށް އަމީން ފައިސަލް ހުންނެވި އިރުވެސް، އަދި ފަހުން ކާނަލް ނާޒިމް ސަރ ހުންނެވި އިރުވެސް އެދުވަސްވަރުގެ ހުރިހާ ބައްދަލުވުން ތަކެއްގައި އަޅުގަނޑު އިންނާނެއެވެ. އަޅުގަނޑަކީ އަމަލީ ގޮތުން އުޅުނު މީހެކެވެ. އަދި ފަހުން އަމީން ފައިސަލް މިނިސްޓަރުކަމުން ރައީސް އޮފީހަށް ބަދަލު ކުރައްވާފައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ހުންނަވާ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މާގާމުގައި ހުންނަވައިގެން ކުރެއްވި ގިނަގުނަ ގައުމަށް ބޭނުންތެރި ސަލާމަތީ މަސައްކަތްތަކުގައި އެންމެއިސް ހަތަރު މީހުންތެރޭގައި އެކަކަށްހުރީ އަޅުގަނޑެވެ.


ތިޔަ ވިދާޅުވާ ގައުމީ ސިޔާސަތު ބަލާލައި ކިޔާލާހިތުން މިނިސްޓްރީ އޮފް ޑިފެންސް އާއި އެމްއެންޑީއެފްގެ ވެބްސައިޓް ބަލައިގެން ވެސް ފެނިފައެއް ނެތެވެ.


ފަހެ، އަޅުގަނޑު ޑިފެންސް މިނިސްޓްރީ ގައި އުޅުނުއިރު، ޑިފެންސް މިނިސްޓްރީގެ ސައިޓުގައި، 2012 ވަނަ އަހަރު ދިވެހި ރާއްޖޭގައި އެކުލަވާ ލެވުނު، އަދި އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލި، ރީޝޭޕިން ދަ ޑިފެންސް ސެކްޓަރ ފޯރ ސެކިއަރ މޯލްޑިވްސް ނަމުގެ ދަށުން، ޑިފެންސް ވައިޓްޕޭޕަރެއް، 2012 ގައި މިނިސްޓަރ ނާޒިމް ސަރ ހައްދަވައި ޕަބްލިޝް ކުރެއްވިއެވެ. އަދި އަމަލުކުރައްވަން ފެއްޓެވިއެވެ. އެއީ މުޅިންއަލަށް ފުރަތަމަ ފަހަރަށް ދިވެހި ދިފާއީބާރުން، ފޮލޯކުރަން ފެއްޓެވި ހުދުކަރުދާހެވެ. ފަހަރުގައި ތިޔަވިދާޅު ވަނީ، މިކަރުދާހުގެ ވާހަކައަށް ވެސް ވެދާނެއެވެ.


މިޕޭޕަރަކީ، އަޅުގަނޑުގެ ބައިވެރިވުން އޮވެ، ޝާމިލްވެގެން ތައްޔާރު ކުރެވުނު ސިޔާސަތު ތަކެކެވެ. މިމަސައްކަތުގައި ރައީސް ނަޝީދު އިރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ދަށުން، އަދި ރައީސް ވަހީދު އިރުގެ މިނިސްޓަރ ކާނަލް ނާޒިމްގެ ދަށުން ކައުންޓަރ ޓެރަރިޒަމް މަސައްކަތުގައި އަމަލީގޮތުން ކޮންޓްރޯލަރެއްގެ ހައިސިއްޔަތުން ނާއި ފަހުން ޑިފެންސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އުޅުނީމެވެ.


އާދެ! އެޕޭޕަރުގެ ޑްރާފްޓިން މަރްހަލާގައި އުޅެވިފައި ހުރީމާ، އެއިންބައެއް ނުކުތާތައް ހަދާނުގައި ހުރެއެވެ. އެހެނަސް ހިތާމައަކީ، މިއިން ޕޭޕަރެއް މިހާރު ފެންނާންނެތް ކަމެވެ. ސަލާމަތީ ބާރުތަކުގެ ދެސައިޓު ވެސް، އިހުގެ ގަދީމީ ބައްޓަމަށް ވެއްޓި މުޅީން ސިޔާސީވެ، މިނިސްޓަރ ކުރައްވާ ދަތުރުތަކާއި ސިޔާސީ ކަންކަމުގެ ޕްރޮޕެގެންޑާ މަސައްކަތަށް ޚާއްސަ ކުރެވިފައި ވާތަން ފެނުނެވެ. އިނގިރޭސިބައި އަމުދުން ނުވެސްނެތެވެ.


ހަގީގަތުގައި ރައީސް ވަހީދު އިރުގައި ޑިފެންސް މިނިސްޓަރަށް ގެނެވުނީ، މިލިޓްރީ ހަމަތަކުން ބަލާއިރު އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ޢަސްކަރީ ކަންކަމުގައި އަމަލީގޮތުން އުޅެ، ރާއްޖޭން ލިބެންވާ ހުރިހާ ތަޖްރިބާތަކެއް ލިބި، އަދި ޢަސްކަރީ ރޮނގުން ބޭރުން މަތީފެންވަރުގެ ތަމްރީނުތައް ހައްދަވައިގެން ހުންނެވި، ރާއްޖެއަށް ފަހަކަށް އައިސް ދިމާވި ހުރިހާ ޓެރަރިސްޓް ތްރެޓްތަކާއި ހަމަލާތަކުގައި އުޅުއްވައި، އަދި ރާއްޖެ ގިރާކުރަން ޖެހުނު އެންމެ ނުރައްކާތެރި ހާދިސާތަކުގައި އަމަލީގޮތުން އުޅުއްވައި ތަޖްރިބާ ހާސިލުކޮށް، އެކަންކަމުން ރައްކާތެރިވުމަށް އެޅުޅު ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި އަމަލީގޮތުން އުޅުއްވި ޒުވާން ޢަސްކަރީ ބޭކަލެކެވެ. އެހެންވެ ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރީ ހިންގެވި އިރު، ސަލާމަތީ ބާރުތައް ރިފޯމްކޮށް އެކިއެކި ސިޔާސަތުތަކާއި ގަވާއިދުތައް ޑްރާފްޓު ކުރެއްވިއެވެ. އަދި މިނިސްޓްރީ އާ އެކު، އެމްއެންޑީއެފްގެ ގުޅުން އިހުނަށް ވުރެ މާބޮޑުތަން ރަނގަޅު ކުރެއްވިއެވެ.


ފަހެ، ޑޮކްޓަރ ވަހީދުގެ ވެރިކަމުގައި ސިފައިނަށް ވެސް، އަދި ފުލުހުންނަށް ވެސް އެބޭކަލުންގެ އަމިއްލަ މަސައްކަތްތައް މުސްތަގިއްލު ކޮށް ޑިޒައިންކުރީ އެވެރިންގެ އަމިއްލަ ދިރާސާތަކުގެ މައްޗަށެވެ. މަދަނީ ސިޔާސީ މީހުންގެ ހިއްސާ ވަރަށް ނެތިއެވެ. ރައީސް އޮފީހާއި ރައީސްގެ ދައުރަކީ، ހަމައެކަނި އެނިންމުން ތަކުގައި ސިއްކަޖެހުމެވެ.


އާދެ! 2008 ގައި އުފެދުނު ސަރުކާރުގެ ދައުރުތެރޭގައި އަމީން ފައިސަލް އާއި ކާނަލް ނާޒިމްވަރަށް ގިނަގުނަ އިސްލާހީ މަސައްކަތްތައް ކުރެއްވިއެވެ. އަދި އެކަންކަމުގައި އަމަލީގޮތުން އަޅުގަނޑަށް އެބޭފުޅުންގެ ފަހަތުގައި އުޅެން ޖެހުނެވެ.


ފަހެ، އަޅުގަނޑު ދެކޭގޮތުގައި ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއް (އެންއެސްޕީ) ވަރަށް ފުރިހަމައަށް ދިރާސާކުރުމަށް ފަހު، އެކުލަވާލެވިފައި އޮންނަން ޖެހޭނެއެވެ. ދާއިމަށް ދެމިގެންދާ ގޮތަށް އަބަދުވެސް އަމަލު ކުރެވޭ ޕޮލިސީއަކަށް އެޕޮލިސީ ވާންޖެހޭނެއެވެ. އަދި ހިންދުން ހިނދަށް އެޕޮލިސީ މުރާޖައާކޮށް އަޕްޑޭޓް ކުރެވެން ޖެހޭނެއެވެ.


ގައުމީ ސަލާމަތާ ބެހޭ އެފަދަ ޕޮލިސީއެއް، ހިސާރުކުރެވި ލިމިޓްވެފައި އޮންނަންޖެހޭނީ، ހަމައެކަނި ދީނީ އަގީދާގެ މައްޗަށާއި ގައުމީލޯބީގެ އަސާސްތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ މާފުޅާދާއިރާ އަކަށް ފެތުރި އެއްގައުމު އަނެއް ގައުމުގެ އެހީއާއި ތަޖުރިބާތައް ބަދަލުކުރެވި އަމަލީގޮތުން އެހީއާއި މަދަދު ލިބެންޖެހޭނެ ފެންވަރަކަށް އެފަދަ ޕޮލިސީއެއް ރޭވެން ޖެހޭނެއެވެ. މައުލޫމާތުތައް ވަގުތުން ވަގުތަށް ޝެއާކުރެވި ޑިސީސަންތައް ނެގި އެކުގައި ފިޔަވަޅުއަޅާ ގޮތަށް ހަމަޖެހެން ޖެހޭނެއެވެ.


ގްލޯބަލައިޒް ވެފައިވާ ދުނިޔޭއްގެ ހުރިހާ ބާރުތަކާ ގުޅިގެން ނޫނީ، މިހާރުގެ މި ތަހްޒީބީ ޒަމާނުގައި އެއްވެސް ގައުމެއްގެ ސަލާމަތްތެރިކަން ނުބެލެހެއްޓޭނެ އެވެ. ރައްކާތެރިއެއް ނުކުރެވޭނެއެވެ. ގައުމީ ރައްކާތެރިކަން ނުގެންގުޅެ ވޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ، ތްރެޓްތަކާއި ޗެލެންޖުތަކުން އަރައި ނުގަނެވިގެން ނުރައްކަލުގެ ތެރޭގައެވެ.


ފަހެ، އެގޮތުން މިފަދަ ގައުމީ ސިޔާސަތެއް އެކުލަވައިލާ އިރު، ގައުމަށް ސަލާމަތީ ގޮތުންހުރި ތްރެޓްތަކާއި ޗެލެންޖަސް ވަރަށް ރަނގަޅަށް ދިރާސާކޮށް ދަނެގަންނަން ޖެހޭނެއެވެ. އަދި އެކަމަށް އިސްކަންދޭނެ ތަރުތީބެއް ލިޔެވި، ޕްރައިރިޓީ ދެވިފައި އޮންނަން ވާނެއެވެ. އަބަދު ވެސް އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅު ތައްޔާރީ ހާލަތުގައި ބޭއްވެން ވާނެއެވެ.


އަދި ތްރެޓްލެވަލް އެކި މިންގަނޑުތަކުން ހުރި މިންވަރުތައް އެންމެ ފުރިހަމަކޮށް ދަނެގަނެވިފައި އޮންނަން ޖެހޭނެއެވެ. އެންމެހައި ލެވަލްތަކުގައި އެކަން އޮތީ ކޮން މިސްރާބަކަށް ކަމާއި ކޮން ދިމާއަކުންކަން އީޖާދުވެ ފެށިފައި ކަން، ވަރަށް ސާފުކޮށް ދަނެގަނެވެން ޖެހޭނެއެވެ. އަދި ކަންކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަވަހަށް ކުއްލިގޮތަކަށް ނެގޭނެގޮތާއި އެކަމުގައި އަޅާނެ ފިޔަވަޅު ތަކާއި އެކަމަށް ހުރި ރިސޯސްތައް އެލޮކޭޓް ކުރެވިފައި ހުންނަން ޖެހޭނެއެވެ. ފުރިހަމައަށް ދަނެގަނެވިފައި އަތްމަތީގައި އަބަދުވެސް ރެޑީކޮށް ވާސިލްވެވޭ ގޮތަށް ހުންނަން ޖެހޭނެއެވެ. ފެންނާން އޮންނާން ޖެހޭނެއެވެ.


ފަހެ، އަޅުގަނޑު ހަނދާންވާ ގޮތުގައި ދިވެހިރާއްޖޭގައި، 2012 ގައި ހެދުނު ޑިފެންސް ވައިޓްކަރުދާހުގައި ވެސް ހޯދިފައި ހުރީ ހަމައެކަނި ޗެލެންޖަސް ތަކެވެ. އެހެން މުހިންމު މައިގަނޑު ބައިތައް ދިރާސާކޮށް އިމަޖެންސީ ހައްލުތައް، އަދި ދާއިމީ ހައްލުތައް ހޯދާއި ލިޔެވިފައެއް ނުވާނެއެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މިޖަޒީރާ ދިވެހިރާއްޖެއަށް އެންމެ ތްރެޓްބޮޑީ ރެޑިކަލް އިސްލާމިސްޓް ޓެރަރިމާއި އޯގަނައިޒް ކްރައިމްސް އާއި ފޮރިން އިންފުލުއަންސް އެވެ. އެއީ ބާރުވެރި ބަޔަކު ރާވައިގެން ހިންގާ އޮއިވަރަކަށް ވެފައިވާތީއެވެ.


ފަހެ، އިސްލާމް ދީނުގައި ޓެރަރިޒަމެއް، އަދި އިރުހާބެއް، ބިރުދައްކައިގެން މަޖްބޫރު ކުރުވުމެއް ނޯންނަކަން ހަނދާން ކުރަން ޖެހޭނެއެވެ. އިސްލާމެއްގެ ނަމުގައި ކަމެއްކުރާ ކޮންމެ ފަހަރަކު އެއީ ދީނުގައި އެކަން އޮންނަގޮތް ކަމުގައި ހަދައިގެން ނުވާނެއެވެ. އަދިވެސް އިތުރަށް ނަޒަރު ހިންގައި ވިސްނަން ޖެހޭ ބައެއް ދާއިރާތައް މިހާރަށް އައިސް އަލަށް އިޖާދުވެފައި އެބަހުއްޓެވެ. އެތެރެވަރީގެ ވަކިގައުމެއްގެ ބިދޭސީން އިންތިހާއަށް އިލީގަލީ އެތެރެވެ، އިލީގަލީ އުޅެމުންދާއިރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އަތުވެދާނެ ތްރެޓްތައް ހުރެދާނެއެވެ.


އަމުދުން މިހާރުގެ ތަހުޒީބީގޮތުން އިތުރަށް ގިނަކަންކަމާއި ލާމެހި ގުޅިފައިވާ ދުނިޔޭއްގައި އެއްބައި ވަންތަކޮށް އެއް ސަގާފަތެއްގައި ދިވެހިން ޒަމާނުއްސުރެ ދިރިއުޅެމުން ދާއިރު، ދިވެހީންގެ މުޖްތަމައުގައި އެފަދަ އިލީގަލް އިމިގްރޭންޓުން މިހާރަކަށް އައިސް ނުހިންގާ މުޑުދާރު އެއްވެސް ވިޔަފާރިއެއް ނެތެވެ. ޒުވާން އަންހެން ކުދިންލައްވައި ބޭރަށް ފައިސާ ފޮނުވާއި ޑްރަގް ވިއްކުމާއި ރާވައިގެން ޖިންސީކަންކަން ހިންގުމުގައި އުޅެމުން ގެންދެއެވެ.


އެއީ ފައިސާގެ އަޅުންގެ ގޮތުގައި ވަގުތީ ހިޖުރައެއްގައި އުޅޭ މާއްދިއްޔަތަށް ވަރަށް ލެނބިފައި ތިބޭ، ފައިސާނޫން އެހެން އަމާޒެއްނެތް މީހުންނެވެ. އެމީހުންގެ ތެރޭގައި ސައިބާކްރައިމްސް އިން ފެށިގެން ކިޑްނެޕްކުރުމާއި ފޭރުން އެބައޮތެވެ. މީހުންމަރައެވެ. ދީނީ އަގީދާއާއި ފިކުރީގޮތުން އެކިސެކްޓަރު ތަކައި ދިމާއަށް ހައްދުފަހަނައަޅައި ދިއުން ފެންނަން އެބަހުއްޓެވެ.


ފަހެ، ފަސޭހަ ދިރިއުޅުމެއްގައި ހަމަޖެހިލައިގެން ބިރެއްނެތި ދިރިއުޅެމުން ގެންދަނީ، ހުއްދައެއް ނެތި ގަވާއިދައި ޚިލާފަށެވެ. އެމީހުންގެ އަދަދުގެ ގޮތުން ހިސާބުތައް ބެލެހެއްޓި ކޮންޓްރޯލް ކުރުމަށް ތަރޯތާޒާ ފިޔަވަޅުތަކެއް އަޅަމަކުން ނުގެންދެއެވެ. މިކަމާ ކަންބޮޑު ވުމަށްވުރެ، މާއްދީގޮތުން ފައިދާއެއް ނެގޭތޯ ވިސްނާ މީހުން ސަރުކާރު ތެރޭގައާއި މުޖްތަމައުގައި މާގިނައެވެ. ހުރިހާ ކުދި، އަދި ބޮޑެތި ވިޔަފާރިތައް ވަނީ، އެފަދަ މީހުންގެ އަތްދަށަށް ރޭވުންތެރިކަމާ އެކު ގެންގޮސް ނިންމާފައެވެ. އަދި ގިނަކަންކަން ކުރުވަނީ ސިޔާސީ ނުފޫޒުގެ ބާރުންނެވެ.


އާދެ! އަޅުގަނޑު މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯރގެ ހައިސިއްޔަތުން، ގައުމީ ސަލާމަތާ ބެހޭ ކޮމެޓިގައި އުޅުނުއިރު، އެކޮމެޓީގެ މުޝީރަށް، 2010 ވަނަ އަހަރު ހުށަހެޅި ރިޕޯޓެއްގެ އުސްއަލިތަކަށް، މިހިސާބުން ކުރުކޮށް މި އިންޓަރވިއޫގައި އަލިއަޅުވާލާ ނަމެވެ.


ވޯކްވިސާގައި ރާއްޖެއެތެރެވާ ބިދޭސީންނާބެހޭ:


2010 ވަނަ އަހަރު އޮކްޓޯބަރ މަހުގެނިޔަލަށް، 1800 (އަށާރަހާސް) ބިދޭސީން ވަނީ، އަލަށް އެންޕްލޮއިމަންޓް އެޕްރޫވަލް ހައްދައިގެން ވޯކްވިސާގެ ދަށުން ރާއްޖެ އެތެރެވެފައެވެ. އޮކްޓޯބަރ މަހު އެކަނިވެސް، 2563 ބިދޭސީން އަލަށް ރާއްޖެ އައިސްފައި ވެއެވެ. މިއީ ސެޕްޓެމްބަރ މަހަށްވުރެ، 21.4 ޕަސެންޓް އިތުރު މިންވަރެކެވެ. ވޯކްވިސާގައި އަލަށް އެތެރެކުރެވޭ ބިދޭސީންގެ އަދަދު އިތުރުވަމުން މިދަނީ ހައްދެއްނެތި އެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ބިރުގަންނަން ޖެހޭ މިންވަރަށެވެ.


ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތު މިދުވަސްވަރު އަދިއޮތް ގޮތުން، މިއަދަދަށް ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވަމުން ދިއުމަކީ، ސަލާމަތީ ގޮތުން ނުރައްކާތެރިކަން އިތުރުވެފައިވާ، އަދި ފިކުރު ބޮޑުވާން ޖެހިފައިވާ ކަމެކެވެ. އިގްތިސާދީ މަސައްކަތް ކުރުމަށް ރަސްމީ ލިޔެކިޔުންތައް ފުރިހަމަ ކޮށްގެން ބިދޭސީން ވޯކްވިސާގައި އެތެރެ ކުރެވުނަސް މީގެތެރެއިން ގިނަ މީހުންނަކީ، ގެނެވޭ މަސައްކަތް ފިޔަވާ، އެހެން މަސައްކަތްތަކަށް ވީއްލިގެންދާ މީހުންނެވެ. ހަވާލުވާ ދިވެހި މީހާއަށް، ބިދޭސީ މީހާ ވީނުވީތަނެއް ނޭނގި، މިގޮތަށް ވީއްލިގެންދާ ކޮންމެ މީހަކީ، އަމިއްލައަށް ރާއްޖޭގެ އެކިރަށްތަކުގައި ވިޔަފާރީގެ އެކި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ގެންދާ މީހުންނެވެ.


އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ގެންދާ ބިދޭސީން ނެވެ. “އިލީގަލް އިމިގްރަންޓުން” ނެވެ. މިބީދައިން ގަވާއިދާޚިލާފަށް އުޅެމުން ގެންދާ ބިދޭސީންގެ ބޮޑުޖަމާއަތެއް ވަނީ، ރާއްޖޭގެ އެތަންމިތަނުގައި އުފެދިފައެވެ. ޚާއްސަކޮށް ބިންބޮޑެތި ސަރަހައްދު ތަކުގައެވެ. ދަނޑުތަކާއި ވަލުތެއިން ލިބޭ ނަފާތަކުގެ ބޮޑުބައެއް ބެހިގެންދަނީ އެމީހުންގެ ތެރެއަށެވެ.


ޓުއަރިޒަމް ދާއިރާގައާއި އެހެނިހެން ވިޔަފާރީގެ ދާއިރާތަކުގައި ގަވާއިދާ އެއްގޮތަށް ވިސާފީ ދައްކައިގެން މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ވުރެ ގަވާއިދާޚިލާފަށް އުޅެމުން ގެންދާ ބިދޭސީން (އިލީގަލް އިމިގްރަންޓުން) ގެ އިގްތިސާދީ ހަރަކާތްތައް ވަނީ، ވަކި ބައްޓަމަކަށް ރޭވި އިތުރުވެގެން ގޮސްފައެވެ. މިޖަމާއަތުގެ ތެރޭގައި ރާއްޖޭގެ ދަނޑު ތަކުންނާއި އެކިހިސާބުގެ ވަލުތަކުން އެއްކުރާ ދަރުކާށި ކުރޮޅި، ތަރުކާރީފަދަ ތަކެތީގެ ވިޔަފާރިއާއި ޑޮލަރާއިޔޫރޯ ގަނެވިއްކުމުގެ ވަގުވިޔަފާރި ކުރާ މީހުންނާއި އެކިބާވަތުގެ ޑްރަގާއި ބަނގުރަލުގެ ވިޔަފާރީގައި ރޭވިގެން ހަރަކާތްތެރިވާ މީހުންނާއި ދަނޑުވެރިކަމުން މާލެ ގެނެވޭ ތަކެތި ދޯނިފަހަރަށް އަރައި ގަނޑުކޮށް ނެގުމަށް ފަހު، އަލުން ވިއްކާލުމުގެ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހުންނައި، އަދި މިނޫނަސް ހަށިވިއްކުމާއި މިބާވަތްތަކުގެ ހުރިހާ ވައްތަރެއްގެ ވިޔަފާރީގެ ތެރޭގައި އެއްވެސް ބިރެއްނެތި ފާޅުގައި އަމަލީގޮތުން ހަރަކާތްތެރި ވަމުންގެންދާ މީހުން އުޅެއެވެ.


ފަހެ، މިފަދަ ޖަމާއަތްތަކުގައި އެކިވަރުވަރުގެ ލީޑަރުން ތިބެގެން ގޭންގު އުސޫލަށް ބޮޑެތި ރޭވުންތައް ރޭވި، ދަރަޖަތަކަށް ބައިއެޅިގެން ކުރެވޭ ވިޔަފާރީގެ މުއާމަލާތު ތަކެއްކަން ވަނީ، ފާހަގަ ކުރެވިފައެވެ. އަދި މިދެންނެވި ގޭންގު ޖަމާއަތްތަކުން، އެކިޒާތުގެ މިފަދަ ނާޖާއިޒު ވިޔަފާރިތައް ކޮށްގެން ހޯދާ ފައިސާއާއި ނަފާތައް، ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވޯކްވިސާ ދައްކައިގެން ރާއްޖޭގެ އިގްތިސާދީ ސިނާއަތު ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ މީހުންނަށް ލިބޭފައިދާއާއި ނަފާއަށްވުރެ މާގިނަވެފައި ބޮޑުކަމަށް ފާހަގަ ކުރެވެއެވެ. އަދި މިފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދުވެސް މާގިނަވާނެ ކަމުގައި ފާހަގަ ކުރެވެއެވެ.


އިގްތިސާދީ ގޮތުންވާ ގެއްލުން:


ބިދޭސީން ގަވާއިދާޚިލާފަށް ރެކްރޫޓް ކުރުންވަނީ، އިންތިހާއަށް އިތުރުވެފަ އެވެ. އަދި އެންޕްލޮއިމަންޓް އެޕްރޫވަލް ވިއްކުމާއި ކޯޓާ ވިއްކުމުގެ ކޮރަޕްޝަން ނިހާޔަތަށް އިތުރުވެފައި ވެއެވެ. އަދި ބިދޭސީން ދިރިއުޅެމުން ގެންދާ ތަންތަނުގައި ސިއްހީ މައްސަލަތައް ބިރުގަންނަން ޖެހޭ ވަރަށް އިތުރުވެފައިވެ އެވެ. ވައްކަންކޮށްގެން އެއްކުރާ މުދާ ފޮރުވައިގެން ސަޕްލައި ކުރުމާއި ކޮއްތު ތައްޔާރުކޮށްގެން ސަޕްލައިކޮށްދީ ހެދުމަކީ، މިފަދަ ބިދޭސީންގެ އާންމު ކަމެކެވެ. އެއްވެސް އަޅާލާނެ ފަރާތެއް ނެތެވެ. މިފަދަ ބިދޭސީ އެޖެންޓުންގެ ފަހަތުގައި ފޮރުވިގެން ތިބެނީ، ދިވެހި ގޭންގުތައް ހިންގާބޮޑުން ކަމުގައި ފާހަގަކުރެވިފައި ވެއެވެ.


އަދި ކޮންޓްރެކްޓް މެރިޖް (މެރިޖް އޮފް ކޮންވީނިއަންސް) އިތުރުވެފައި ވުމައި އަދި ކުޑަކުދީންނަށް ޖިންސީގޯނާ ކުރުން އިތުރުވެފައި ވުމައި، އަދި ސީދާކޮށް ބިދޭސީންނައި ގުޅުންހުރި ބަދު އަޚްލާގީ އަމަލުތަކާއި ރާފައިގެން ހިންގަމުން ގެންދާ ހަށިވިއްކުމުގެ ހަރަކާތްތައް އާދަޔާ ޚިލާފަށް އިތުރުވެފައި ވުމާއި، އަދި ހިއުމަން ޓްރެފިކިންއާއި ކިޑްނެޕް ކުރުމާއި އޮޅުވާލައިގެން ސައްހަނޫން އެޖެންޓުން ބޭނުންކޮށްގެން (ރޯޑް އެޖެންޓުން) ބަގްލަދޭޝް މީހުން އެތެރެކޮށް ފިލުވުން ނުވަތަ ނަގާލުމައި، އަދި އުމުރުންހަގު ކުދިންގެ އުމުރު އޮޅުވާލައިގެން ރާއްޖެއަށް ވަޒީފާއަށް އެތެރެކުރުން ފާހަގަ ކުރެވިފައި ވެއެވެ.


އަދި މިހާރަކަށް އައިސް ޑްރަގްޓްރެފިކް ކުރުން ބިދޭސީންގެ އަތްމައްޗަށް ވާރުތަވެފައި ވާކަން ޚާއްސަކޮށް ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ޚާއްސަކޮށް…… (އެތެރެވަރީގެ ގައުމެއްގެ) ގެ ރައްޔިތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާ ތަކެތީގެ ވިޔަފާރިކުރުން ވަނީ، ފުދޭވަރަކަށް އިތުރުވެފައެވެ.


އަދި މިފަދަ ފަރާތްތައް މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ގޭންގުތަކާ ގުޅިގެން ހަރަކާތްތެރި ވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މަދުން ނަމަވެސް ބިދޭސީންގެ އަމިއްލަ ސެލްތައްވެސް އުފެދިފައިވާކަން ވަނީ، ފާހަގަ ކުރެވިފައެވެ. އިންޓަރނެޓް ބޭންކިން ސިސްޓަމް ތަކަށާއި ސައިބަރއެޓޭކް އާއި ކޮންޕިއުޓަރ ނެޓްވާރކް އެޓޭކް ފަދަކަންތައް ކުރުމުގައި ބިދޭސީން ހަރަކާތްތެރި ވާކަން ވަނީ ފަޅާއަރާފައެވެ. އަދި އިމިގްރޭޝަން ވިސާކާޑު ވަގަށް ހެއްދުމާއި އަމިއްލަ ފަރާތަކުން އަގެއްދީގެން ވަގަށް އާކާޑު އުފެއްދުން ކަހަލަ ކަންކަންވެސް ވަނީ ފަޅާއަރާފައެވެ.


ސިޔާސީ ގޮތުންވާ ގެއްލުން:


އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ހައްދެއްނެތި، ގިނައަދަދަކަށް ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އަދިވެސް ގެންދަނީ އެތެރެ ކުރެވެމުންނެވެ. އަދި އެކަމަށް ރާއްޖޭގައި ތިބޭ އެގައުމުތަކުގެ ސަފީ** ސިޔާސީ މީހުންގެ ފެންވަރުން ވާގިވެރިވަމުން ގެންދެއެވެ. ރޭވިގެން ހިންގޭ ޖަރީމާއަކަށް ވެދެއެވެ.


އާދެ! ދިވެހިރާއްޖެ، އައިއެލްއޯގައި ބައިވެރިވެފައިވާ އިރު ވިސްނާލަން ޖެހޭ ބައެއް މުހިންމު ނުކުތާތައް އެބަހުއްޓެވެ. ސިޔާސީ ވިސްނުމެއްގައި ނަމަވެސް ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވޯޓުދިނުމުގެ ހައްގުހޯދުމަށް ބިލެއްކަހަލަ ކަމެއް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބަޔަކު ފާސްކޮށް، ސިޔާސީ ފައިދާއެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް ފަހަރުގައި ވެދާނެ ކަމެކެވެ. މިހާރިވެސް މިއަޑު ސިޔާސީބައެއް އެދުރުން އުފުލައެވެ.


މިއީ ދުނިޔޭގެ ބައެއްގައުމު ތަކުގައި ހިނގާފައިހުރި ކަންތަކެވެ. ޚާއްސަކޮށް ***** (އަވަށްޓެރި ގައުމެއް) ދަރިކޮޅަކީ، މިކަމުގައި ފާހަގަކޮށް ލެވޭ ވަރަށް ގަދީމީ ދަރިކޮޅެކެވެ. މުޅި ދުނިޔެއަށް ފެތުރިފައި ތިބި ބައެކެވެ. ފަސޭހައިން ޝިކާރައަކަށް ވަނީ މޮރިޝަޗް އަދި ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކެވެ. އަދި ޓްރޭޑް ޔުނިއަނެއް ކަހަލަކަމެއް މިރާއްޖޭގައި އުފެދި، އެމީހުންގެ ޑިމާންޑްތަކަށް ކަންކަން އިސްލާހު ކުރުމަށް ހުށަހެޅުން، އަދި އެކަންކަން ނުވެއްޖެނަމަ، މުޅިގައުމު ހުއްޓޭކަހަލަ ގޮތަކަށް ބޮޑެތި ސިޔާސީ މުޒާހަރާ ކުރުމާއި ރާއްޖޭގެ އެކޮނަމީ ކިޑްނެޕްކުރުން ކަހަލަކަމެއް ވުން ގާތްކަމަށް ބެލެވެއެވެ.


ކުދިފިހާރަ ތަކުގެ ވިޔަފާރީގައި މިހާރުވެސް ގިނައީ ބިދޭސީންނެވެ. އަދި ބިދޭސީންގެ އަތްމައްޗަށް ޓެރަރިޒަމް ވާރުތަ ކުރުމަކީ، ދުރުކަމެއް ނޫނެވެ. އެއްގަމު ފޭރުމާއި ކަނޑުފޭރުމުގައި ބިދޭސީންގެ ހަރަކާތްތައް ވަނީ، ފާޅުގައި ތެތްއަތާ އެކު ހިފި ފައެވެ. ދުނިޔޭގެ ފެންވަރަށް ފޭރުމާއި ޓެރަރިޒަމަށް ޓްރެއިންވެފައި ތިބި، އަދި ހަވާލުވާނެ ފަރާތެއް ނެތިފައި ތިބި އެފްރިކާއަށް ނިސްބަތްވާ ތިރީހަކަށް ވުރެގިނަ މީހުން މިހާރުވެސް ރާއްޖެއިން ހިމާޔަތްދޭން ޖެހޭ ހިސާބުގައި އެބަތިއްބެވެ. (މިހާރުވަނީ ޔޫއެންގެ ބެލުމުގެދަށުން ގެންގޮސްފަ) އަދި ރާއްޖެއިން ބޭރުކޮށް ލެވޭނެ ގޮތެއް ނެތިފައި ހުރި ސީނުކަރަޔަށް ނިސްބަތްވާ ދީނީ ފިކުރެއްގެ މީހެއްވެސް ރާއްޖެއަށް ބަލަދުއަރާފައި އެބަހުއްޓެވެ. ވޯކްވިސާގައި ރާއްޖެއަށް މަސައްކަތު ގެނެވޭ ބިދޭސީންގެ ތެރެއިންލާފައި ރާއްޖެއަށް ދީނީގޮތުން ހައްދުފަހަނައަޅާ ދިއުން (އެކްސްޓްރީމިޒަމް އާއި ރެޑިކަލައިޒޭޝަން) ފެތުރި އާންމުވެ، އެކަމަށް ވާގިވެރިވުން ލިބިގެންދާކަން ފާހަގަ ކުރެވިފައި ވެއެވެ.


ދާދިފަހުން މާލޭގެ ގުދަނެއްގައި މަސައްކަތް ކުރުމަށް ވޯކްވިސާގައި އެތެރެ ކުރެވިފައި ހުރި މީހަކު ދެއަހަރު ވަންދެން، ގދ. ތިނަދޫ މިސްކިތެއްގައި މުދިމުކަމާއި އިމާމުކަން ކޮށްދީފި އެވެ. އަދި ދީނީ ފިކުރަކަށް ތަބާވާ އޭނާގެ ރައްޓެއްސެއް ޓުއަރިސްޓް ވިސާގައި އެތެރެކޮށް އެހިސާބުގެ ބައެއް މީހުންނަށް ދީނީ ނަސޭހަތްދީ ހަދާފައިވާކަން ވަނީ، ފަޅާއަރާފަ އެވެ.


ވަކި ގައުމަކުން ޚާއްސަކޮށް މުސްލިމް އާބާދީއެއް އެކުލެވޭ، އެތެރެވަރީގެ ގައުމަކުން މިހާގިނަ ބަޔަކު ރާއްޖެ އެތެރެވެ ރާއްޖޭގައި ދިރިއުޅުމަކީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކުރިމަތި ވެދާނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. މިގޮތުން …… (އަވަށްޓެރި ގައުމެއް) ގައި ހަރަކާތްތެރިވާ ލަޝްކަރެ ޠައްޔިބާ (އަދި މިހާރު ޖަބްހަތުލްނުސްރާ) ފަދަ ޢަސްކަރީ ތަމްރީނު ލިބިފައިވާ ޖަމާއަތަކުން ތަމްރީން ލިބިފައިވަ މީހުން ރާއްޖޭގައި ހަރަކާތްތެރި ވަމުން ދިއުމަކީ، އެކަށީގެންވާ މަގްބޫލް ކަމެއްކަމުގައި ދެކެމެވެ.


މައިގަނޑު ސަބަބަކީ، މިޖަމާއަތައި، އަދި މިފަދަ އެހެން ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ހަރަކާތް ހުއްޓުވުމުގެ މަސައްކަތް …… (އެތެރެވަރީގެ ގައުމެއްގެނަން) ސަރުކާރުން އަމަލީގޮތުން ފަށާފައި ވުމެވެ. މިއީ އަޅުގަނޑުމެން ފަދަ، ކުޑަ ގައުމަކަށް އެހެން ގައުމެއްގެ އެއް ނަސްލެއްގެ އާބާދީއަކުން ތަފާތު ވައްތަރުތަކުގެ އެކިކަހަލަ ދީނީ އަދި ފަލްސަވީ ފިކުރުތަކާ އެކު ހައްދެއްނެތި އެތެރެވަމުން ދާއިރު، ކޮންމެހެން ވެސް ވިސްނާލަން ޖެހޭނެ ވަރަށް މުހިންމު ކަންތަކެވެ.


މިފަދަ ކަންތަކާ ހެދި، ދިވެހީންނަށް ސިޔާސީ ގޮތުން ބިރުވެރިކަން ވަނީ، އިންތިހާއަށް ފެތުރިފައެވެ. މިކަންކަމަކީ، އެއްގޮތަކަށް ވެސް ސިއްރުކުރުން ބުއްދިވެރި އަމަލުތަކެއް ނޫނެވެ. ސަލާމަތްތެރި ސުވަރުގެއެއްގެ ގޮތުގައި ދެކެމުންއައި ދިވެހިރާއްޖޭގައި މިއަދު ވަނީ، ބިދޭސީންލާމެހި ޝާމިލްވާގޮތަށް ހަރުކަށި ފިކުރުގެންގުޅޭ، “ވައެލަންޓް އެކްސްޓްރީމިސްޓް އޯގަނައިޒޭޝަންސް” ތަކެއް އުފެދި، ދިވެހި މުޖްތަމައުގައި ބިރެއްނެތި ފާޅުގައި ބޮޑެތި ޖަރީމާތައް ހިންގަންފަށާފަ އެވެ.


ދިވެހި ރާއްޖޭގައި ޓެރަރިޒަމާއި ޕައިރެސީއާއި ނާކޮޓިކްސް ސްމަގްލިން ހަރަކާތްތަކުގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ހަރަކާތްތެރި ވާކަން، އެއްފަހަރަށް ވުރެ ގިނައިން ސާބިތުވެފައި އެބަހުއްޓެވެ. އެތެރެވަރީގެ އިސްލާމީ ގައުމެއް ކަމުގައިވާ، …… (އަވައްޓެރި ގައުމެއްގެނަން) އިންނާއި ….. (އަވައްޓެރު ގައުމެއްގެ ނަން) ގެ މުސްލިމް ޖަމާއަތްތަކުން ރާއްޖެއަށް އެކިތަންތަނުގައި މަސައްކަތް ކުރުމުގެ ނަމުގައި އެންޕްލޮއިމަންޓް އެޕްރޫވަލް ހައްދައިގެން، މަސައްކަތު މީހުންގެ ގޮތުގައި އެތެރެކޮށް، އެފަދަ މީހުން ލައްވައި މިސްކިތްތަކުގައި އިމާމުންގެ މަސައްކަތް ކުރުވާފައި ވާކަން ފަޅާއަރާފައި އެބަހުއްޓެވެ.


އަދި ޓުއަރިސްޓް ވިސާގައި މިފަދަ އެކްސްޓްރީމިސްޓުން މިރާއްޖެއަށް އެތެރެވެ، އެވެރީން ބޭނުންވާ ދީނީ ފިކުރުތައް ފެތުރުމުގެ މަސައްކަތުގައި އުޅެނިކޮށް ބޭރުކުރަން ޖެހިފައި އެބަހުއްޓެވެ. އެއްދޮރުން އަނެއްދޮރަށް (ދޮރުންދޮރަށް) ފައިމަގުގައި ހިނގުމުންނާއި އަޑުގަދަކުރާ ބޭނުންކޮށްގެން ވެހިކަލްގައި ދުއްވައިގެން މުޖްތަމައު ތެރޭގައި މިފަދަ މެސެޖުތައް ދާޚިލީގޮތުން ފެތުރުމުގެ ދޮރުތައް ވަނީ، ވަރަށް ތަނަވަސްކޮށް މިނިވަންކަމާ އެކު ހުޅުވިފައެވެ.


އަދި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާލާނެ ބަޔަކު، އަދި އިދާރާއެއް ނެތެވެ. އެކިވަސީލަތްތައް މެދުވެރިކޮށް މިހާރުވެސް މިފަދަ ކަންތައް ހިންގަމުންދާތަން ފެނެއެވެ. އަދި އިލީގަލް ރޭޑިއޯ އޮޕަރޭޝަންސް ހިންގަން ފަށާނީ މާދަމާ ނުވަތަ މިއަދަށް ވެފައިވާކަން ފާހަގަކުރަމެވެ. މަސްވެރިންގެ ގޮތުގައި ކަނޑުތަކުގައި އުޅެމުން އެހެން މަސްވެރިންނަށް މިފަދަ ރޭޑިއޯ އޮޕަރޭޝަނެއް ވަރަށް ފަސޭހައިން ހިންގިދާނެއެވެ. އެފެންވަރުގެ މާހިރުން ގޭންގްގުތަކުގައި ހިމެނެއެވެ. ރިޕޯޓު ނިމުނީ!


ފަހެ، މިހާރު މިފަދަ ކަންކަން ހުންނާނީ، 2010 ވަނަ އަހަރަށްވުރެ މާކުރިއަށް އަރާފައެވެ. އެޑްވާންސް ވެފައެވެ. ބިދޭސީންގެ އަމަލުތަކާ ގުޅޭ ރިޕޯޓެއް ހަދާލުމުން ސާފުވެގެން ދާނެއެވެ. ދިވެހީން ޒަމާނުއްސުރެ ކުރަމުން އައި ދޮށީގެ މަސްވެރިކަމުގައާއި އޮޑިދޯނި ފަހަރުގެ ކައްޕީތާނުކަމާއި ފަޅުވެރި ކަމަކީ، އަދި ފަޅުރަށްތައް ބެލެހެއްޓުމަކީ، އިލީގަލް އިމިގްރަންޓުން އާންމުކޮށް ކުރާކަންކަމެވެ. ފުރިހަމަ ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއްއޮވެ، އޭގެދަށުން ގައުމުގެ ހުރިހާތަނެއް ބެލެހެއްޓި ހުރިހާ ކަމެއް ނުކުރެވޭހާ ހިނދަކު މިކަން އޮންނާނީ މިގޮތަށެވެ. ބޮޑުތްރެޓް އަކަށެވެ.


ފަހެ، ރައީސް ވަހީދުގެ ދުވަސްވަރުގައި ޒުވާން އަދި މިލިޓްރީ ޓްރެއިންޑް ވަޒީރު، ކާނަލް ނާޒިމްގެ ބެއްލެވުމުގެ ދަށުންނާއި އޭގެ ކުރިން ރައީސް ނަޝީގު ދުވަސްވަރުގެ ވަޒީރު އަތިރީގޭ އަމީން ފައިސަލްގެ ބެލެހެއްޓެވުމުގެ ދަށުން ބައިނަލް އަގުވާމީ ފަރާތްތަކައި ގުޅިގެން ޚާއްސަކޮށް އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ކެނެޑާއައި ގުޅިގެން ވަރަށް ތަރޯކޮށް ރާއްޖޭގެ މިފަދަ އިޝޫތަކަށް ދިރާސާތައް ކުރެވުނެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެބޮޑު މާކެޓް ކަމުގައިވާ ޓުއަރިޒަމް އިންޑަސްޓްރީޒަށް އޮތް ޓެރަރިޒަމް ތްރެޓް، އަދި ދީނީފިކުރުގެ ސަބަބުން އޮތް ޓެރަރިޒަމް ތްރެޓްތަކަށް ނަޒަރުކޮށް ވިސްނުމަށް، ސެމިނާތަކާއި ބައްދަލުވުންތައް ބޭއްވި އެކިއެކި ދިރާސާ ޑްރާފްޓްތައް ހެދުނެވެ. އެންމެބޮޑުކޮށް ރިސްކްއޮތް ދިމާތައް ދެނެގަނެވުނެވެ.


އަދި އެކަންކުރާނެ ބައެއް އަމަލީ ތަމްރީނުތައް ވެސް ދިވެހި އޮފިސަރުން ލައްވައި އަމަލީގޮތުން ހައްދުވައި ހެދިއެވެ. އެހެނަސް ހިތާމައަކީ، އަދިވެސް އެކަންކަމާ މެދު އެޅިފައި ހުރި ސަލާމަތީ ގޮތުން ޒިންމާދާރު ފިޔަވަޅުތައް ފެންނާކަށް އަދި އެނގޭކަށް ނެތެވެ. ޒުވާނުންނަށް އެކަންކަން ދިރާސާ ކުރަން ނުލިބޭތީއެވެ. ބަލައިލަން ކިޔާލަން ނުލިބޭތީއެވެ. ބޮޑުސިއްރު ގޮތުގައި ފޮރުވުނީ ކަންވެސް ނޭގެއެވެ. ހަމަ ގައިމުވެސް ފެންނާކަށް ނެތެވެ. ފިޔަވަޅުއެޅި އަމަލު ކުރެވޭގޮތަށް ތައްޔާރަކަށް ނެތެވެ.


އެމެރިކާގެ ސެޓިފިކޭޓު
އެމެރިކާގެ ސެޓިފިކޭޓު

އަދި ހަމައެހެންމެ އެކްސްޓާނަލް އިންފުލުއަންސް، އަދި އޯވަރ ޑިފެންޑެންސް ފާހަގަކުރަމެވެ. އަދި އޯގަނައިޒް ކްރައިމްސް އާ ގުޅިފައި އޮންނަ ސިޔާސީ އެފިލިއޭޝަން ތަކަކީ، އިންތިހާއަށް ނުރައްކާތެރި ޗެލެންޖެކެވެ. ރިސްކުބޮޑު ކަމެކެވެ. ތްރެޓްއޮތް ކަމެކެވެ. ބޮޑުބިރެކެވެ. އަދި ހަމައެހެންމެ ގިނަގޮތްގޮތުން ބަލިކަށި ނިކަމެތި ޢަސްކަރީ ގޮތުން ބަލިކަށި، ވީކް ނުކުޅެދޭ ދައުލަތަކަށް އަޅުގަނޑުމެން ވާހިނދު، އެކްސްޓްރިމިޒަމަށް ތާއީދުދީ ސަޕޯޓުކުރުމަކީ ވެސް، ހައިރިސްކު ޗެލެންޖެކެވެ. ހައިލެވަލް ތްރެޓެކެވެ. އަދި ފިކުރީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމާއި މަނީލޯންޑަރިންނަކީ، ގައުމީ ސަލާމަތަށް އޮތް ރިސްކުހުރި ޗެލެންޖުތަކެވެ. ވަގުތުން ވަގުތަށް ހައްލު އީޖާދުކުރެވި، އަތްމަތީގައި ތައްޔާރީ ހާލަތުގައި ތިބެގެންނޫނީ މިންޖުވާކަށް ނެތެވެ. ޚުތޫރަތްތެރިއެވެ. ސިޔާސީ ކޯޅުމުގައި ގައުމީރޭވުމެއްނެތި ދެމި ތިބެވޭކަށް ނެތެވެ.


2013 ގައި ދިވެހިރާއްޖޭގައި ބޭއްވުނު ކަނުންޓަރޓެރަރިޒަމް ކޯހެއްގެ ބައިވެރިން
2013 ގައި ދިވެހިރާއްޖޭގައި ބޭއްވުނު ކަނުންޓަރޓެރަރިޒަމް ކޯހެއްގެ ބައިވެރިން

ފަހެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނޭޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއް އަބަދުވެސް ރިވައިސް ކުރެވޭގޮތަށް ތައްޔާރަށް އޮންނަން ޖެހޭނެއެވެ. އަދި ފަސޭހައިން އާންމުންނަށާއި ކިޔަވާކުދިންނަށް އެ ކަރުދާސްތަކަށް ވާސިލްވެވޭ ގޮތެއް ހަމަޖައްސާފައި ބާއްވަން ޖެހޭނެއެވެ. މިހާރު މިވާގޮތަކީ، ބޭރުގެ އެހީތަކުން އެކަން ކުރެވޭތީ ސަމާލުކަން ނުދެވި، ސިޔާސީ ކޯޅުންތަކަށް ސަލާމަތީ ބާރުތަކުން ވެސް ޖާގަދެވޭތީ މިފަދަ ގައުމަށް މުހިންމު ސެންސިޓިވް އަދި ހައްސާސީ ކަންކަން ހުންނަނީ ވަޅުޖެހިފައެވެ. ފަހަތަށް ސޮއްސާ ލެވިފައެވެ. ހިންގަން ބޭނުންވާ ގޮތަށް ހިންގާތަނެއް ނުފެނެއެވެ. އޭގެ ބޮޑުފައިދާ ނަގަނީ ބިދޭސީ ބާރުތަކުންނެވެ.


ފަހެ، ދަންނާށެވެ! އެފަދަ ސިޔާސަތަކީ، ގްލޯބަލައިޒް ދުނިޔޭގައި އެއްގައުމުން އަނެއްގައުމައި ލާމެހިފައިވާ، އެންމެން ގުޅިގެން ހިންގައި ތަންފީޒު ކުރެވޭ ރައްކާތެރި ކަމަކަށް ވާންޖެހޭނެއެވެ.


އާދެ! މިހާ ހިސާބުން ސަލާމަތީ ބާރުތެރޭގައި އިތުރަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވާ އެހެން ވާހަކައެއް ދަންނަވާނަމެވެ. ޒަމާނުއްސުރެ ދިވެހި ސިފައިން ތެރޭގައި ގައުމީ ލޯތްބާއި ކުލުނު ވަރަށް ބޮޑަށް، ހިތްތަކާއި ސިކުނޑީގައި ބޮޑުކޮށް ބިންވަޅުނެގި، އަށަގެންފައި ފެންނަން އެބަ އޮތެވެ. އަދި އެލަޝްކަރަކީ، ދީނީގޮތުން އަގީދާ ވަރަށް ވަރުގަދަ ކުރެވިފައިތިބޭ ބައެކެވެ. މަރުވާން ތައްޔާރަށް ތިބޭ ބައެކެވެ. މިހާރުވެސް އެކަންބާރަށް އެބަހިންގައެވެ. ކުރިޔަށް ދެއެވެ. ގައުމީ ޖިހާދަށް ފަސްނުޖެހުމަށާއި ﷲގެ މަގުގައި ޝަހީދުވުމުގެ ލޯތްބާއި ވާދަވެރިކަން ފިކުރާއި ފުރާނައަށް ވައްދައިދެވެ އެވެ.


ނަމާދުކުރުމަށް ބާރުއަޅާއި ރޫހާނިއްޔަތު ތާޒާކުރުމަށް އިންތިހާއަށް މަގުފަހިކޮށް ދެވެއެވެ. ޖަމާއަތުގައި ނަމާދުކުރުމަށް ދިފާއީ ކޮންމެ މަރުކަޒެއްގައި މިސްކިތްތައް ބިނާކޮށް ދެވެއެވެ. އަދި ޖަމާއަތުގައި ނަމާދު ކޮށްދޭނެ އިމާމުން އުފެއްދުމަށް އެފަދަ ކޯސްތަކަށް އޮފިސަރުން ފޮނުވައި ހަދައެވެ. ޓެރޭނިން ދެއެވެ. ގުރުއާން ކްލާސްތަކުގައި ބައިވެރި ކުރުވައެވެ. ހުރިހާ ޖަލްސާތައް ފެށުމުގައި ގުރުއާން ކިޔެވުމާއި މާނަކިއުން، އަދި ނިންމުމުގައި، ﷲ އަށް އިޚްލާސްތެރި ވުމަށް އަޒުމް ހަދާންކޮށްދީ، ދުއާކުރުން އޮންނާނެ އެވެ.


ފަހެ، މިއީ ދިވެހިގައުމީ ސިފައިންތެރޭގައި ދެމެމުން އަންނަ އަދިވެސް ނުފިލާއޮތް ގައުމީ ރީތި އާދަކާދަ އެކެވެ. އޭގެ ނަތީޖާވެސް ކާމިޔާބުކޮށް ފެނިފައި އެބަހުއްޓެވެ. މިހާތަނަށް ބޭރުގެ ފަރާތްތަކާ އެކު ހަތިޔާރުން ކުރިމަތިލާން ޖެހުނުކޮންމެ ފަހަރަކު ފަސްޖެހުން ނުފެނި ކުރިއަރާއި ހަމަލާދީފައި އެބަހުއްޓެވެ. އެހެންވެފައި ވުމުން، މި އާދަކާތަކުގެ ސަބަބުން ދިވެހި ގައުމީ ދިފާއީބާރުން ތައްޔާރުކުރާ ގައުމީ ސިޔާސަތެއްގައި އަގީދާގެ ބަޔާއި ގައުމީ ވަންތަބައި ބޮޑުކޮށް މާސިންގާކޮށް ފެންނާން އޮތުމަކީ، އަޖައިބެއް ނޫނެވެ.


އަޅުގަނޑު މެންނަކީ، ސައްތައިން ސައްތަ މުސްލިމުން ކަމުގައި ވާތީ، ރޫހާނީ ބަޔާއެކު ދުނިޔޭގެ ބާރުތަކާ ގުޅުމާއި މައުލޫމާތުތައް ބަދަލުކުރުމާއި ޒަމާނީ ޢަސްކަރީ ވިޔުގައެއް ސިޔާސީ ކަންކަމުން ދުރުގައި ތިބެ، ގައިމުކުރެވޭ ދުވަހަކުން، ތިޔަވިދާޅުވާ، އަދި ތިޔަފެނިވަޑައި ގަންނަވާ ކަހަލަ ގައުމީ ސަލާމަތީ ޕޮލިސީތައް ވެސް ފެނިގެން ދާނެކަން ކަށަވަރެވެ.


ފަހެ، އެއީ ވެރިކަމުގައި ހުންނަވާ ވަކި ރައީސެއްގެ ފިކުރީ ވިސްނުމުގެ މައްޗަށް ބިންގާ އެޅިގެންދާނެ އިމާރާތެއް ނޫނެވެ. ރައީސް ނަޝީދު ވެސް ރައީސް ވަހީދު ވެސް ރައީސް މައުމޫނު ވެސް ބްލޭމް ކުރެވޭކަށް ނެތެވެ. މަތީ ތައުލީމާއި ޢަސްކަރީ ޓްރޭނިންތައް އިތުރުވި މިންވަރަކުން ތިޔަފަދަ ޕޮލިސީތައް އިތުރަށް ފުރިހަމަވެގެން ދާނެކަން ޔަގީނެވެ.


އަޅުގަނޑު ގަބޫލުކުރާގޮތަކީ، އެންމެން، އަދި ހުރިހާ ގައުމުތަކެއް ގުޅިގެން ހަދާ ޕޮލިސީއަކަށް އަމަލު ކުރެވިގެންނޫނީ އެއްވެސް ގައުމެއް ޒަމާނީ ޓެރަރިޒަމުން މިޒަމާނުގައި މިންޖެއް ނުކުރެވޭނެ ކަމެވެ. ތިޔަ ސުވާލު ކުރެއްވީތީ ޝުކުރު ވެރިވަމެވެ!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page