top of page

ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (ފަސްވަނަބައި)

Writer: ilyashusein
ilyashusein
Sep 16
30 min read

Updated: 4 days ago

*ދޫނިދޫޖަލުކުޑަގޮޅިން އަހަރަކަށް ފަހު، ގާމާދޫޖަލަށް ބަދަލުކުރުން:

*ޖަލުގައި ބޭނުންކުރި ކުޑަކުޑަރޭޑިއޯ ހޯދިގޮތް:

*ދިވެހިސަރުކާރު ވަފުދެއް ޖަލަށް ޒިޔާރަތްކުރުން:

*ބުރައުންޝުގާ ދަސްވުން:

*އަހުރެމެން ގާމާދޫޖަލުގައި ބައިތިއްބުމަށް ހެދި އާ އިމާރަތް (ސިޔާސީފައްޅި):

*ޖަލުގައި ހުންނަތާ 400 ވަނަ ދުވަސް:

*ދުނިޔޭގައި ހުރިހާދުވަހަކު، 6 ރޯދަ ހިފުމަށް ނިޔަތްގަތުން:


ދޫނިދޫޖަލުކުޑަގޮޅިން އަހަރަކަށް ފަހު، ގާމާދޫޖަލަށް ބަދަލުކުރުން:


01 ޖެނުއަރީ 1992 ވީ ބުދަދުވަސް، ޖަލުގައި ހުންނަތާ، 374 ވަނަ ދުވަހެވެ. މިއަދުހެދުނު ސައިބޮއި ނިމިގެން ބަދަލެއް އަންނަނީކަމުގެ އުފަލުގައި ހުއްޓާ، މެންދުރު އެކެއްޖެހިއިރު އަޅުގަނޑުބަލާ ސިފައިން އަތުވެއްޖެއެވެ. މިޚަބަރު ލިބުނީއްސުރެ އެންމެ ކަންބޮޑުވަމުން ދިޔައީ ޖަލުގެގޮޅިތައް ބެލެހެއްޓުމަށް ފޯރިއަށް އައިސްއުޅޭ ސިފައިންގެ އޮފިސަރެއްލައްވާ، އަޅުގަނޑުގެ ގެއިން ގެނުވައިގެން އަހުރެންގެ އަތުގައި ކުޑަގޮޅީތެރޭގައި ފޮރުވައިގެން ގެންގުޅޭ ޖަޕާން ސޮނީކުންފުނިން އުފައްދާފައިވާ ވަރަށްކުޑަކުޑަ ކޭޝްކާޑްސައިޒްގެ އެފްއެމް، އަދި އޭއެމް ލިބޭ ރޭޑިޔޯއެއް އަޅުގަނޑު އަތުގައި އޮތީމާއެކަމާއެވެ.


އެއްޖަލުން އަނެއްޖަލަށް ބަދަލުކޮށް އާޖަލަކަށް ވައްދާއިރު މާގަދަޔަށް ފާސްކޮށް ބަލާފާނެ ތީއެވެ. މިއީ އާންމުކޮށް އެހެން ގައުމުތަކުގައި ހިންގާކަމެކެވެ. އެހެންވެ ރާއްޖޭގައި ވެސް މިކަންމިގޮތަށް ހިންގަފާނެކަން އަޅުގަނޑަށް ލަފާކުރެވޭ ތީއެވެ. މިއަދު ކުރަންމިއުޅޭ ކަމަކީ ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރާށެވެ. މި ރޭޑިއޯ އަކީ ކުޑަކުޑަ ޗާޖަރަކަށް ޖަހާލުމުން ޗާޖްވާގޮތަށް، އަދި ވަރަށްކުޑަކުޑަ އިއަރފޯނެއް ހިމަހިމަ ވާގަނޑެއް ބޭނުންކޮށްގެން އަޑުއެހޭގޮތަށް ހަދާފައި އޮންނަ، ސޮނީކުންފުނީގެ، 1984 ގެ އެންމެކުދި ސައިޒުގެ ރޭޑިޔޯއެކެވެ.


ޖަލުގައި ބޭނުންކުރި ކުޑަކުޑަރޭޑިއޯ ހޯދިގޮތް:


ބޮޑުމިނަކީ ކޭޝްކާޑެއްގެ ސައިޒެވެ. ބޯމިނުގައި ހުންނާނީ ދެތިން ސޫތުވަރެވެ. ޗާޖަރުގެސައިޒަކީ އޭއޭސައިޒުގެ ބެޓެރީބުރިއެއްގެ ފުޅާމިނެވެ. ޗާޖަރުގައި ވޯކީޓޯކީސައިޒު، އޭއޭ ސައިޒުގެ، 3 ބެޓެރީ ލައްވަން ޖެހެއެވެ. ވޯކީޓޯކީސައިޒުގެ ތިންބުރި ބެޓެރީން އެތައްދުވަހެއް ވަންދެން ޗާޖްކުރެވެއެވެ. އަޅުގަނޑު ދޫނިދޫކުޑަގޮޅީގައި އޮންނަންޖެހުނު އަށާރަ މަސްދުވަހުން ބަޔަކާއި ގާމާދޫ ޖަލުގައި އޮންނަންޖެހުނު އަށާރަމަސް ދުވަހުގެ ތެރެއިން، ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަލިބިގެން ގެނެވެންދެން ބޭނުންކުރީ، މިދެންނެވި ކުޑަކުޑަ ރޭޑިޔޯއާއި އެރޭޑިޔޯއާއެކު ސިފައިންގެ އޮފިސަރު އަޅުގަނޑަށް ގެނެސްދިން ވޯކީޓޯކީ ސައިޒުގެ 6 ބުރި ބެޓެރީއެވެ.


ފަހުން އިތުރުބެޓެރީ ހޯދާކަށް ނަސީބަކުން ނުޖެހެއެވެ. މިބެޓެރީތަކުގެ ބާރުނުދަނީސް ގެއިންރޭޑިޔޯއެއް ލިބިއްޖެއެވެ. މިރޭޑިޔޯ އަޅުގަނޑުއަތަށް، ދޫނިދޫޖަލަށް ގެނެސްދިނީ، ޖަލުން ބައްދަލުވި ސިފައިންގެ އޮފިސަރެކެވެ. މިއީ އަޅުގަނޑުމެންތިބޭ ގޮޅިތައް ބަލަހައްޓަން ޑިއުޓީއަށް ފޯރިމަރަން އަންނަ އެންމެއާދައިގެ އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. މީނާއާ ފުރަތަމަ ގުޅުން އުފެދުނު ގޮތަކީ، އެއްދުވަހަކު އަޅުގަނޑާ ވާހަކަދައްކަމުން ސިގިރޭޓް ބޯންބޭނުންހޭ އަހާލުމުން، އެއީއެއްގޮތަކަށް ވެސް އަޅުގަނޑު ބޯއެއްޗެއް ނޫނޭ ބުނެ އޭނާއަށް ޖަވާބުދެވުނު ހިސާބުންނެވެ.


ދެން އޭނާއަޅުގަނޑު ކުރެން އެހީ، ދުފާލާނެ ފޯއްކޮޅެއް ބޭނުންވޭތޯއެވެ. އެސުވާލު ކުރުމުންވެސް އަޅުގަނޑުދިން ޖަވާބަކީ، އެއީވެސް އަޅުގަނޑު ބޭނުންކުރާ އެއްޗެއްނޫނެވެ. އަދި އަޅުގަނޑަކީ އެފަދަ އެއްވެސް އަމަލެއްކުރާ މީހެއްނޫނޭ ބުނީމެވެ. ސިގިރޭޓްބޮއި ދުފާހަދާމީހެއް ނޫނޭ ބުނެދިނީމެވެ.


އޭނާގެ ކޮންމެ ޑިއުޓީއެއްގައި ވެސް މިވާހަކަތައް މިގޮތަށް އެހެންވާހަކަތަކާ އެކު ދެކެވެން ފަށައިފިއެވެ. ދެން، އެހެން ދުވަހެއްގެ ވާހަކައިގައި އިލްޔާސް ޖަލުގެކުޑަގޮޅީގައި ތިޔަގޮތަށް ހުންނައިރު، އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ވާހަކަދެކެވުމުގެ ތެރޭގައި އޭނާ ސުވާލުކޮށްލުމުން، އަޅުގަނޑު އެއޮފިސަރަށް ދެންނެވީމެވެ.


އަޅުގަނޑަކީ އެއްވެސް ކަހަލަ ބުއިމަކުން، ނުވަތަ ދުމަކުން، ނުވަތަ ވަހަކުން، ނުވަތަ ކުނޑިއަކުން އަމަލުވެ، މަސްތުވާ މީހެއްނޫނެވެ. އެފާޑުގެ މަސްތުވުމަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަ އަމަލެކެވެ. ސިގިރޭޓާއި ދުފުމުގެ މަސްތަކީ، އަޅުގަނޑަށް އެއްގޮތަކަށްވެސް ބޭނުންވާ މަސްތެއްނޫނެވެ. އަޅުގަނޑަކީ، ސަތޭކަޕަސަންޓު ސިޔާސީ މީހެކެވެ. މުޅިން ތިޔަކަހަލަ މަސްތީއާ ދުރު މީހެކެވެ. އެހެނަސް އަޅުގަނޑަކީ، ފިސާރިއަކަށް ސިޔާސީ މަސްތުވާ މީހެކެވެ. އަޅުގަނޑަށް ކަމެއްކޮށްދެންޏާ އެރޮނގުން އެހީއެއް ވެދޭށެވެ. އޭރުންފުދުނީއެވެ.


އެއީ ކިހެނެއްހޭ މިއޮފިސަރު ކަލޭގެ އަޅުގަނޑު ކުރެން އަހައިފިއެވެ. ދެން އަޅުގަނޑު އޭނާއަށް އެކިގޮތްގޮތުން ވިސްނާފައި ބުނެދީފީމެވެ. އަޅުގަނޑު މިގޮތަށް ކުޑަގޮޅިއެއްގައި ކަނުއަނދިރީގައި މުޅިދުނިޔެއާވަކިން ބަންދުވެފައި ހުންނައިރު އަޅުގަނޑުގެ އުފަލަކަށް، އަދި މަސްތުވުމަކަށް ވާނީ، ދިވެހިރާއްޖެއާއި ރާއްޖޭންބޭރުގެ މުހިންމު ޚަބަރުތައް ދުވަހުންދުވަހަށް ހޫނުކަންމަތީގައި ލިބޭނެގޮތެއް ހަމަޖެހުން ކަމުގައި އޭނާގާތުގައި ބުނެދިނުމުން އޭނާވަރަށް އަވަހަށް ޖެހިލުމެއްނެތި ބުނެލައިފިއެވެ. އެކަން ކޮށްދީފާނަމެވެ. އެއީ އެއްވެސް ކަމެއްނޫނެވެ.


މިޖަވާބުން އަޅުގަނޑު ވަރަށްބޮޑަށް އުފާވިއެވެ. ދެން އޮންނަ ޑިއުޓީއަކަށް އަންނަ ދުވަހަކު، ކުޑަރޭޑިޔޯއެއް ގަނެގެން ބެޓެރީއާއެކު، އިލްޔާސަށް ގެނެސްދެންހޭ އެނާ އަހައިފިއެވެ. މިހިސާބަށް ވާހަކަދިއުމުން، އަޅުގަނޑު ވަރަށް ފުންކޮށް ވިސްނާލާފައި އޭނާގާތުގައި ބެނެފީމެވެ.


އޭ! މަގޭ ރަހްމަތް ތެރިޔާއެވެ! ތިޔައީ ސިފައިންގެ އޮފިސަރެކެވެ. އަހަންނަކީ، ކުޑަގޮޅީގައި ބަންދުވެފައިހުރި ސިޔާސީ ކުށްވެރިއެކެވެ! ގައުމީ މީހެކެވެ! ވަގެއްނޫނެވެ! ފޭރޭމީހެއްނޫނެވެ! ޒިނޭކުރި މީހެއްނޫނެވެ! މީހަކަށް އަދި މީހެއްގެ މުދަލަކަށް ގެއްލުން ދިން މީހެއްނޫނެވެ! އަދި ދުވަހަކުވެސް ދޭނެމީހެއް ނޫނެވެ! މަނާއެއްޗެއްބޮއި މީހެއްނޫނެވެ! އަދި ދުވަހަކުވެސް ބޯނެމީހެއް ނޫނެވެ! އަހުރެންނަކީ ސާފުސީދާ ސިޔާސީ މީހެކެވެ!


ޝައްކެއްނެތެވެ! ތިޔަކަމަކީ، ﷲއަށް ހެޔޮއެދިގެން، ﷲއަށް ޓަކައިކޮށްދޭ ވަރަށް މުހިންމު އިޚްލާސްތެރި ކަމަކަށް ވާންޖެހޭނެއެވެ. ނިޔަތް ރަނގަޅުވާން ޖެހޭނެއެވެ. ސަވާބު ހުރި ދަރުކައަކަށް ވާނީ އޭރުންނެވެ. ﷲ އަށް އިޚްލާޞްތެރި ވާންޖެހޭނެއެވެ. ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިގެން ނުވާނެއެވެ. ތިޔައީ ވަށްކަމެއް ނޫނެވެ. މީހެއްގެ ހައްގަށް އުނިކަމެއް ގެނެސްދޭ ކަމެއްވެސް ނޫނެވެ. މާސިންގާ ބޮޑުޖަރީމާއެއް ވެސް ނޫނެވެ. ﷲގެ މަގުގައި ސިޔާސީ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. ގައުމަށްޓަކައި ކޮށްދެވޭ ކަމެކެވެ. ދަރުމަހުރި ކަމެކެވެ. ހަމަކަށަވަރުން އަޅުގަނޑު ޔަގީންކަން ދެމެވެ. މިކަމުން ފައިދާއެއް ކުރިއްޔާކުރާނީ ދިވެހިގައުމުގެ މުސްތަގުބަލަށެވެ.


އަޅުގަނޑުގެ ސިކުނޑިއަށް ލިބޭތާޒާކަމަކީ، ރާއްޖޭގެ މުސްތަގްބަލަށް ލިބޭނެތާޒާ ކަމެއްކަން ކަށަވަރެވެ. ގަބޫލުކުރާށެވެ. ސައުވީސް ގަޑިއިރު އަޅުގަނޑުގެ ސިކުޑީގައި އެނބުރެމުން މިދަނީ ދިވެހިރާއްޖޭގެ މުސްތަގްބަލާއި ކުރިމަގު ބިނާކުރުމުގެ ވިސްނުންތަކެވެ. މިކަމުން ދިވެހި ގައުމަށް ދެރަކަމެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން، ﷲ ގަންދީ އަޅުގަނޑު އަރުވަމެވެ. ކުރިޔަށްދަމާ ހިނގާށެވެ.


ފަހެ، އެއްގޮތަކަށް ވެސް، އަމިއްލަޖީބުން ޚަރަދުކޮށްގެން ގަންނާކަށް ނުޖެހޭނެއެވެ. އަމިއްލަފައިސާ އެކަމަށް ޚަރަދުކޮށް ހޭދަކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޚަރަދެއްނުކޮށް މިކަހަލަތަނެއްގައި ހުންނައިރު ސިއްރުން އަޅުގަނޑަށް ބޭނުންހިފޭފާޑުގެ ވަރަށްކުޑަކުޑަ ރޭޑިޔޯއެއް ރަހްމަތްތެރިޔާއަށް ކެރެންޏާ ވަރަށް ފަސޭހައިން ލިބިދާނޭ ބުނީމާ، އޭނާބުނެފިއެވެ. އަވަހަށް ބުނެދޭށޭ ތިޔަކަންތައް ހެޔޮހިތުން އިލްޔާސަށް، ﷲއަށްޓަކާ ކޮށްދީފާނަމެވެ! ޒުވާނާއަށް ސާބަހޭ! މަރްހަބާއޭ! އަޅުގަނޑު ދެންނެވީމެވެ!


އަޅުގަނޑު މިއޮފިސަރަށް މިމައުލޫމާތުތައް ދިނީ، މީނާމިކަންތައް ހެޔޮހިތުން ކޮށްދީފާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކިފަހަރު މަތިން ހޯދާއި އަޅުގަނޑުގެ ޒަމީރަށް އެންމެ ފުރިހަމައަށް އެ ޔަގީންކަން ކަށަވަރުވެ ލިބުނީމައެވެ. އަދި މިކަންތައް، ﷲއަށް ޓަކައި އިލްޔާސަށް ކޮށްދެނީކަމުގެ ވަޢުދުބަސް އޭނާގެ ފަރާތުން އަޅުގަނޑަށް ޔަގީންކަމާއެކު ލިބުނީމައެވެ.


ދެން، އޭނާއާއެކު ދެކެވުނު ވާހަކަތަކުގައި އަޅުގަނޑު ބުނާތާކަށް، އަދި ބުނާމީހެއް ކައިރިއަށް މާލޭއަށް ދިއުމަށް ފަހު، ގޮސްދިނުމުން، އެމީހާ ގާތުގައި އަޅުގަނޑު ބުނާއެއްޗެއް ބުނެދިނުމުން ވަރަށްކުޑަ ރޭޑިޔޯއެއް ލިބޭނެކަމާއި އެރޭޑިޔޯ ލިބުމުން ވީހާއަވަހަށް އަޅުގަނޑުގެ އަތަށް ދޫނިދޫޖަލުގެ ކުޑަގޮޅިއަށް ގެނެސްދޭށޭ ބުނެފީމެވެ.


އޭރުން ހުރިހާކަމެއް ނިމުނީއެވެ. އޮޕަރޭޝަން ކާމިޔާބުވީއެވެ. ދެންއެއަށް ފަހު، މިކަންތައް ތަންފީޒު ކުރުމަށް ކުރަންވީ ހުރިހާކަންތަކެއް އަކުރުން އަކުރަށް ވަރަށް ރަނގަޅަށް ސާފުކޮށް އެ އޮފިސަރަށް ކިޔައިދީފީމެވެ. ބައެއްމަރްހަލާ ތަކުގައި ދުލުން ކިޔާލަންޖެހޭ ތަންތަނާއި ނިޔަތްގަންނަންވީ ގޮތްވެސް ބުނެދިނީމެވެ. ދެންމީނާ އަޅުގަނޑު ބުނެދިންގޮތަށް މިކަންތައްކޮށް ތަންފީޒުކޮށް ނިންމާއި ދެންއައި ހަފްތާގެ ޑިއުޓީއަށް އޭނާ އައިސް، އެރޭޑިޔޯ ގެނެސް އަޅުގަނޑުއަތަށް ދީފިއެވެ.


ހަމައެވަގުތު އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަދި އޭނާއަށް ތިޔަކޮށްދިން، ދަރުމަހުރި ހެޔޮކަންތައް މުޅިއުމުރަށް ހަދާނުގައި ބަހައްޓާނެ ކަމުގެ ޔަގީންކަން ދިނީމެވެ. އަދި އޭނާއަށް، ﷲ ހެޔޮދަރުމަ ދެއްވުން އެދި ދުޢާ ދެންނެވީމެވެ. ދެންގޮޅީގެ އެތެރެއަށް އަޅުގަނޑު ޖެހިލައި އެންމެ ފުރަތަމަ ވެސް އަޅުގަނޑު ކުރީ ދެރަކްއަތް ނަމާދެކެވެ. ޝުކުރުގެ މިނަމާދަށް ފަހު، ޗެކްކޮށްލިއިރު މިރޭޑިޔޯ މުޅިން ބަރާބަރެވެ. މިއީ 1984 ގައި ސޮނީ ކުންފުނިން އުފެއްދި މި ބުރޭންޑުގެ އުފެއްދުމެކެވެ. ދުނިޔޭގެ އެތަންމިތަނުގެ އަޑުފަށްގަނޑު ސާފުކޮށް ލިބެއެވެ. ބީބީސީ ބަރާބަރަށް ސާފުކޮށް ލިބެއެވެ.


(SONY ICR 101) ޗާޖަރާއި ކާޑުސައިޒުގެ ރޭޑިޔޯ އަދި އިޔާޕުކަގް
(SONY ICR 101) ޗާޖަރާއި ކާޑުސައިޒުގެ ރޭޑިޔޯ އަދި އިޔާޕުކަގް

އަޅުގަނޑު އެންމެ އަޑުއަހާހިތްވާ ޚަބަރު ޕްރޮގްރާމަކީ، ރާއްޖޭގެގަޑިން ހެދުނުހަގަޑި ތިރީހުގަޔާއި ރޭގަނޑު ހަތްގަޑި ތިރީހުގައި ބީބީސީން ފޮނުވަމުން އަންނަ އުރުދޫބަހުން ފޮނުވާ ދުނިޔޭގެ ޚަބަރު ތަކެވެ. ހުޅުވާލައި ބީބީސީ ސާފުކޮށް ލިބުމުން، މިކަންތައް ކާމިޔާބުވީކަން ޔަގީން ވެއްޖެއެވެ.


މިކުޑަކުޑަ ރޭޑިޔޯއަކީ، އަޅުގަނޑު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާކުރި ދުވަސްވަރު އެތާގައި އަޅުގަނޑާއެކު ވަޒީފާގައި އުޅުއްވި ރަންކޮކާ މުހަންމަދު ރަޝީދު ކައިރީގައި ބުނެގެން ސިންގަޕޫރުން ގެނުވާފައި އޮތް އެއްޗެކެވެ. އެއީ އަތްމަތީ ކުޑަކުޑަ ރޯޑިއޯއަކަށް ވާތީ ޖީބުގައި ބާއްވައިގެން އަތޮޅުތެރޭގައި އުޅޭއިރު ޚަބަރު އަޑުއެހުމަށް ހޯދިއެއްޗެކެވެ.


މިކަންކުރެވުނީ ދުނިޔޭގައި އޭރު ގެންގުޅޭ އެންމެކުޑަ ސައިޒުގެ ރޭޑިޔޯއެއް ހޯދުމުގެ ބޭނުމުގައި އޭނާއަށް ދަންނަވައިގެންނެވެ. ރަންކޮކާ ރަޝީދު، އަޅުގަނޑުއަތުން މިކަމަށް ޗާޖްކުރެއްވީ އެންމެސަތޭކަ ޔޫއެސް ޑޮލަރެވެ. މިރޭޑިޔޯ އެދުވަސްވަރު ހޯދިފައިއޮތުމުން ޖަލުގައި އަޅުގަނޑަށް މިލިބުނީ ވަރަށްބޮޑު ނިއުމަތެކެވެ. ފަސޭހައެކެވެ. އަދި ސިޔާސީގޮތުން ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ރޫހާނީގޮތުންނާއި މާއްދީގޮތުން ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް ލިބުނު އިތުރު ހަކަތައެކެވެ.


މިކަންކޮށްދިން އޮފިސަރަށް ފަށްފަށުން އެތައްހާސް ޝުކުރެއް އަދާކޮށް އެތައްދުޢާއެއް ޖަލުގައި ހުރެގެން ޚަބަރުއަހާ ކޮންމެ ފަހަރަކުހެން އަޅުގަނޑު ކުރީމެވެ. މިކަންތައް މީނާކޮށްދިންތާ މާގިނަދުވަހެއް ނުވަނީސް މީނާގެޑިއުޓީ ދޫނިދޫން، އެހެން ދިމާއަކަށް ބަދަލުވެ މީނާ ދެނެއް، އެއްގޮތަކަށް ވެސް ނުފެނެއެވެ. ގެއްލުނީއެވެ. ދެން އެއަށްފަހު، މީނާއާއި އަޅުގަނޑާދިމާވީ މާފަހުން އެހެން ދުވަސް ވަރެއްގައެވެ. މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު ވަޒީފާއަދާކުރި ދުވަސްވަރު، އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަރިހުގައި ރާއްޖެތެރެއަށް ކުރިދަތުރެއްގައި ގއ.އަތޮޅުގެ ރަށަކުންނެވެ.


އަޅުގަނޑަށް އޭނާ އޮޅުންފިލީ، އޭނާއަޅުގަނޑާ ތައާރުފްވެ ޖަލުގައި ހުރިއިރު ކުޑަރޭޑިޔޯއެއް ގެނެސްދިނީ އޭނާކަން އަޅުގަނޑަށް އަމިއްލައަށް ކިޔައި ދިނުމުންނެވެ. އޭރު އޭނާއަކީ ބޮޑުކަންނެއްޔަށް އެރަށުގައި މަހަށްދާ މީހެކެވެ. ސިފައިންގެއިން ކެނޑިގެން އެމަސައްކަތުގައި އުޅެނީކަމަށް އެނާ ބުނެދިނެވެ. އެދުވަހު ވެސް އަދި އޭގެކުރިން ވެސް، ފަހުން ވެސް އަހުރެން ހޯދާއިގެން، އަހުރެންގެ އަތުން ފައިސާކޮޅަކަށް ނުވަތަ އެހެން އެއްޗަކަށް ވެސް ބޭނުންވެ ނޭދެއެވެ.


އޭރު ޖަލުގައިވެސް އަދި ފަހުންފެނުނު ދުވަހުވެސް އޭނާ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އިލްޔާސްމެން ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންގެ މިނިވަންކަމަށް އެއްވެސްބިރެއް ޖެހިލުމެއްނެތި ކޮށްދިންބުރަ މަސައްކަތުގެ ބަދަލުގައި އޭނާގެ ޖާނާއިވަޒީފާ ނުރައްކަލަށް ހުށަހަޅައި ބިރުން ހުރެވެސް، ﷲއަށް ޓަކައި ކޮށްދިން ކަމެއް ކަމަށެވެ. އެއްގޮތަކަށް ވެސް ފަހުން ލިބިދާނެ އެއްޗަކަށް ނިޔަތްގަނެގެން ކޮށްދިންކަމެއް ނޫންކަމަށެވެ.


މުޅި އުމުރުގައި މިހާތަނަށް ތިންވަނަ ފަހަރަށް އަޅުގަނޑު އޭނާއައި ބައްދަލުވީ، 2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަތަން އެދޭގޮތަށްކުރި ކެންޕޭން ދަތުރެއްގައި ދެކުނަށް ގޮސްއުޅެނިކޮށް އޭނާގެ އަމިއްލަ ރަށުންނެވެ. އެފަހަރުވެސް އެއްވެސް ކަމަކަށް އަޅުގަނޑުގެ ފަރާތުން އޭނާއެއް ނޭދެއެވެ. އޭނާގެ އަމިއްލަ ވަޒަނަށް، ގެއަށް އަޅުގަނޑު ގެންގޮސް އަޅުގަނޑަށް ސައިދީހެދިއެވެ. އަދި އޭނާގެ އަންހެނުން އަޅުގަނޑަށް ތައާރަފްކޮށް ދީ ހެދިއެވެ. ވަރަށް ރަނގަޅު އިންސާނެކެވެ.


ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް އޭނާ އެނގެނީ އޭނާ އަމިއްލައަށް އަޅުގަނޑައި އިސްވެ ތަޢާރުފް ވުމުންނެވެ. އެއީ ގިނައިން ފެނިދެނި ވެވިފައި ނުވާތީ ވާގޮތެކެވެ. ލަދުވެސްގަތެވެ. ﷲ އޭނާއަށް ތާއަބަދަށް ހެޔޮރަހްމަތް ލައްވާށިއެވެ. އާމީން! ސިފައިންގެ ތެރޭގައި އުޅޭބައެއް އޮފިސަރުން އަޅުގަނޑާ ދޭތެރޭގައި އާދަޔާހިލާފަށް ހިތްހެޔޮވެފައި ރަނގަޅެވެ. އެމީހުން ގަބޫލުކޮށް ދެކެނީ އަޅުގަނޑު މެންނަކީ، ވަށްކަންކޮށް ބޮޑެތިޖަރީމާތައް ހިންގައިގެން ގެނެވިފައި ތިބިބައެއް ނޫންކަމަށެވެ. ގައުމީބަތޮލުން ގޮތަށެވެ!


ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖޭގެ އިސްލާހަށް ބިރެއްޖެހިލުމެއް ނެތި ނުކުމެ ގިނަގުނަ ކަންތައްތަކެއް ކޮށް ނަފްސުގެ ގުރްބާނީދިން ބައެއްގެ ގޮތުގައެވެ. މީގެތެރޭގައި އަޅުގަނޑު މެންނަށް ޚަބަރުގެނެސްދޭ އޮފިސަރުން ތިބެއެވެ. އަދި އޯފްޑިއުޓީގައި މޫދަށްގޮސް އަމިއްލައަށް މަސްހިފައިގެން، އެމަސް ފިހެގެން ޑިއުޓީއަށް އަންނަމުން ގެނެސްދީހަދާ އޮފިސަރުންނާ ވެސް ދޫނިދޫކުޑަގޮޅީގައި ތިބި ނާމާން ދުވަސްވަރު ދިމާވިއެވެ.


އަޅުގަނޑު އެންމެކާހިތްވާ، ކާއްޓާއި ހިކިމަސް ގެނެސްދޭ ކުދިންވެސް ތިބެއެވެ. އަދި މިރޭޑިޔޯ ލިބުމުގެކުރިން މެދުއިރުމަތީގައި އެމެރިކާއާއި އެމެރިކާގެ އެކުވެރިން، 1991 ގައި ހިންގި “ޑެސާޓްސްޓޯމް” ގަލްފު ހަނގުރާމައިގެ ޚަބަރުތައް އަޅުގަނޑަށް ލިބެމުންދިޔައީ މިގޮތަށް ދިމާވާ އޮފިސަރުންގެ އެހީގައެވެ. ރޭޑިޔޯ އަތުޖެހެންދެން ޚަބަރުތައް ލިބެމުން ދިޔައީ މިފަދަ ގޮތްގޮތަށެވެ.


ބީބީސީން ފޮނުވާ ޚަބަރުތައް ރޭޑިޔޯއެއްގެ އަޑުން، ފަނޑުކޮށް ބައެއްރޭރޭފަތިހު އަޅުގަނޑު ކުރިން ހުރި ގޮޅިއަކަށް ލިބެމުން ދިޔައެވެ. މިކަންތައް މެދުވެރިވާ ގޮތަކީ، އަޅުގަނޑު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު ބޮޑުސިއްކަ ޖަލުގެ ސަރަހައްދުން ބޭރުގައި އޭނާ ހުންނަވާ ކޮޓަރީގައި ހުންނަވައިގެން ފަތިސްނަމާދަށް ފަހު، ބީބީސީ އައްސަވާއިރު އަޅުގަނޑަށް ފަނޑުކޮށް އެއަޑުއިވޭތީއެވެ. ބައެއްފަހަރު ސާފުވެ ކިޔާއެއްޗެއް އޮޅުން ފިލަނީއެވެ.


މެންދުރު ބާރަޖެހިއިރު ޖަލުސަރުދާރު އަޅުގަނޑު ބަލާ ގޮޅިއަށް އަތުވެއްޖެއެވެ. ސާމާނާއެކު ގޮޅިން ނެރެގެން ގެންގޮސް ދޫނިދޫޖަލު ދޯނީގައި ގާމާދޫއަށް ދިއުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމީހަކު ގޮވައިގެން ފުރީއެވެ. ގާމާދޫއަށް އާދެވުނީ ގާތްގަނޑަކަށް އެއްގަޑިއެއްހާ އިރުވެފަވެ. މާގިނަ އިރުތަކެއް ދަތުރު ކުރުމުގައި ދޯނިމަތީގައި ނުނަގައި ވަރަށް އަވަހަށް ގާމާދޫއަށް އަޅުގަނޑުމެން ގެނެސް ބާލައިފިއެވެ. ފައިމަގު ހިންގާފައި ޖަލުސަރަހައްދަށް ގެންގޮސް ވެއްދީ ޖަލުގެ އޮފީސްބަޔަށެވެ.


ގާމާދޫ ޖަލުބަލަހައްޓާ އިސްބޭފުޅަކަށް ސިފައިންގެ ތެރެއިން އޭރު ހުންނެވީ ފަލްކަން އޭ ކިޔާ ބޭފުޅެކެވެ. ފުރަތަމަ ފެނުމުންވެސް މީނާއަކީ، އަޅުގަނޑާ ދޭތެރޭގައި ހިތްހެޔޮ ހިތްތިރި މިޒާޖެއްގެ އަހްލުވެރިއެއްކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަޅުގަނޑު ފެނުމުން ހަތަރުކަޅި ހަމަވެ އޭނާގެ މޫނުމަތިން އަޅުގަނޑަށް އެ ފެނިގެންދިޔަ ހިނިތުންވުމުން މިކަން ފާހަގަ ކުރެވުނީއެވެ. އަޅުގަނޑު ކާރިވުމުން ކުރިޔަށްވުރެ ބޮޑަށް ހިނިތުން ވުމާއެކު ހީލެއްވިއެވެ. ޗެކްކުރައްވަން ހުންނެވީވެސް ޚުދު ފަލްކަން އެކަންޏެވެ.


ހީލައްވާފައި އަޅުގަނޑު ޗެކްކުރުމުގެ ގޮތުން ހަށިގަނޑުގައި ކޮނޑުން ފެށިގެން ފަޔާހަމައަށް ދެފަރާތުގައި ދެއަތްތިލަ ކާއްތާލެއްވިއެވެ. އަދި އަޅުގަނޑު އަތުގައިއޮތް ކުޑަސައިޒެއްގެ ބެކްޕެކްގައި ހުރި އަންނައުނުގެ މަދުއެތިކޮޅު ހާވާ ލައްވާފައި އެއްފުށަށް އަނެއްފުށަށް ބައްލަވާލައްވާފައި ފިތާލައްވާ ހައްދަވާފައި ބެކްޕެކްދަބަހުން އަމިއްލަ އަތްޕުޅު ނަންގަވާއި އަމިއްލައަތްޕުޅުން ބްކްޕެކްގެ ޒީޕް އަޅުއްވައިފިއެވެ.


އަދި ބެކްޕެކް އަޅުގަނޑު އަތަށް ދެއްވީވެސް އެބޭފުޅާއެވެ. އެވަގުތު އަޅުގަނޑުހުރީ ދުލަށްއައި ހުރިހާ ހެޔޮއެއްޗެތި ހިތުން ކިޔުމުގައެވެ. ދެން އަޅުގަނޑަށް ޖަލުގެ ސަރަހައްދު ތެރެއަށް ވަނުމަށް އިޝާރާތްކޮށް ލެއްވީއެވެ. އާދެ، އަޅުގަނޑަށް މިބޭފުޅާ މިދެއްވީ، އެބޭފުޅުންގެ މިންގަނޑުން ނަމަ، ވީވީއައިޕީ ޚިދުމަތެވެ. މިހިސާބުން އަޅުގަނޑު އެންމެބޮޑަށް ކަންބޮޑުވެގެން އުޅުނުކަންތައް ފަސޭހަކަމާއެކު ހައްލުވީއެވެ. އާޖަލަށް ކުޑަރޭޑިޔޯއާއި ދެ މޮހޮރާ އެކު ވަދެވުމުން ފުރަތަމަ ވެސް، ﷲއަށް ޝުކުރު ދެންނެވީމެވެ.


އަޅުގަނޑު އަތުގައިއޮތް ކުޑަކުޑަ ރޭޑިޔޯއާއި ދެމޮހޮރު އާ ޖަލުތެރެއަށް އޮމާން ރީތި މަރްހަބާ އަކާ އެކު އެތެރެކޮށް ލެވުނީތީއެވެ. ހުރިހާ ކަމަކަށް މަގުފަހިވެގެން ދިޔައީ ވަރަށް އޮމާންކޮށް ފަހިކޮށެވެ! އޭރު އަޅުގަނޑު އަތުގައިއޮތް ކުޑަރޭޑިޔޯ ފޮރުވާފައި އޮންނާނީ، ބެކްޕެކްތެރޭގައި ފަތްޖަހާފައިއޮތް އަޅުގަނޑުލާން ގެންގުޅޭ ޖީންސްފަޓްލޫނުގެ އެއްޖީބުތެރޭގައި ނުތެޅުވޭގޮތަށް ޗާޖަރަށްޖަހާއި ރަނގަޅަށް ހަރުކޮށްލާފައެވެ. ވަކިން އޮތް ތިންބުރި ބެޓެރީއާއެކު ކަންފަތުޕުލަގު ވާގަނޑު ބޭއްވީ ޖީންސްގެ ފައިކުރިތެރޭގައި ފުޅާކޮށް، ދެތިންބުރަކަށް އޮޅާލާފައި އޮތްގޮތަށް ފަތްޖަހާލާފައެވެ.


އަނެއް ތިންބުރި ބެޓެރީ ފޮރުވީ ޗާޖަރު ތެރެއަށްލައެވެ. ދެމޮހޮރުއޮތީ އަބަދުވެސް އެބާއްވައިގެން އުޅޭ ތަނުގައެވެ. ތުވާލީގެ ފަތީގެ ތެރޭގައާއި ފަޓުލޫނެއްގެ ފައިކުރީގެ ފަތީގެ ތެރޭގައެވެ. ދޫނިދޫން ލިބިފައި ހުރި ލިޔެކިޔުމުގެ ސާމާނަކީ މައްސަލައެއް ނޫނެވެ. އޯކޭއެވެ. މިއިން އެކެއްޗެއް ވެސް، ﷲގެ އިރާދަފުޅުން އަޅުގަނޑު ފާސްކޮށް ބެލިއިރު ފެންނަގޮތެއް ނުވިއެވެ. އެއްވެސް މައްސަލައެއްނެތި އަޅުގަނޑަށް ގާމާދޫޖަލަށް އޮމާންކޮށް އެތެރެ ވެވުނީއެވެ. މިހާހިސާބުން ހުރިހާބިރެއް ފިލައިގެން ދިޔައީއެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށް ވުރެ ލުއިކަން މާބޮޑެވެ. الحمدلله!!


ހުކުމުގެ މުއްދަތުގައި ހުރީމާ ލުއިކޮށްލާފައި އޮންނަނީއެވެ. ނުބައެއް ނުހަދަންޏާ ނޯމަލްކޮށް އިޖްރާއާތުތައް ރަނގަޅު ވާނެއެވެ. ގިނަ ގައިދީންތަކެއް އެއްކޮށް އެއްތަނެއްގައި އުޅެވެންފެށީއެވެ. އާޖަލަކަށް ބަދަލުވުމުން އަނެއްކާވެސް ތަކުރާރުކޮށް، ﷲއަށް އެތައްހާސް ޝުކުރެއް ދެންނެވީމެވެ. މާގިނައިރުތަކެއް ނުނަގާ އަޅުގަނޑު މެންނަށް ޚާއްސަކޮށް ހަދާފައިހުރި ކޮޓަރިބަރި ހުރި ސަރަހައްދަށް ވައްދައިފިއެވެ.


އަލަށް ލިބުނުކޮޓަރިއަށް ވަދެފަ ވުޟޫއުކޮށްލައިގެން ފުރަތަމަވެސް ކުރީ ދެރަކްޢަތް ނަމާދެކެވެ. އަޅުގަނޑުމެން އެންމެންވެސް ވެއްދީ އަލަށް ހަދާފައިހުރި ކޮޓަރިތައްހުރި ބަޔަށެވެ. މިބަޔަށް ގާމާދޫ ޖަލުތެރޭގައި ތިބި އެހެންގައިދީން ދީފައިވާ ނަމަކީ، “ސިޔާސީފައްޅި”  އެވެ. މިއީ ވަކިންވަދެވޭ ގޮތަށް ވަކިދޮރެއްލާފައި މުޅިން އަލަށް ހަދާފައި ހުރި އާރޯތާނަ ބައެކެވެ. މިއީ ގާމާދޫޖަލު ތެރޭގައި ވަކިންހަދާފައި ހުރިބައެކެވެ. މިބައިގާހުރީ، 7 ކޮޓަރިއާއި ވަކިން ގޯތިތެރޭގައި ހަދާފައިހުރި ދެފާޚާނާއާއި ވަކިން ގޯތިތެރޭގައި ބޮޑުކޮށް ހަދާފައިހުރި ކާގެއެކެވެ.


މިތަންތަން ހިމެނޭގޮތަށް މިބައިހުރީ ވަށާއި އުސްކޮށްފާރުލާއި ބައްދާފައެވެ. މިއީ ކުޑަވަރެއްގެ ވަކިން ހުންނަ ބަންދު ކޮށްޓެކެވެ. މި އިމާރާތްތަކަށް ބިންނެގުމަށް ފަހު، ހުސްކޮށް އޮންނަނީ ތިރީސްފޫޓު ފަންސަވީސް ފޫޓުގެ ހުސްބިން ކޮޅެކެވެ. މިއީ ވައިތެރޭގައި އިށީދެލާ ހިތްހަމަ ޖައްސާލަން އެންމެންނުކުމެ ތިބެންއޮތް ހުސްބިންކޮޅެވެ. ގާމާދޫގައި ދެންމިގޮތަށް ވަކިބައެއްގެ ގޮތުގައި ހަދާފައި ހުންނަނީ، 3 ނޮވެންބަރ 1988 ގެ ހަމާލާގައި ބައިވެރިވި ދިވެހިން ބައިތިއްބާފައި ތިބޭ ބައެވެ.


އަޅުގަނޑުމެން ތިބޭބަޔަށް އެންމެ ފުރަތަމަ ވެއްދި މީހުންނަކީ އަޅުގަނޑުމެން، 6 މީހުންނާއި ގާމާދޫން ގެނެސް ވެއްދި، 5 މީހުންނެވެ. މިތަނަކީ ވަރަށް އާކޮށްހުރި ތަނެކެވެ. ކޮޓަރިތައް ހުންނަނީ އެޓޭޗް ފާޚާނާއާ އެކުގައެވެ. ހަތަރުކޮޓަރިއަށް ހަތަރުފާޚާނާ އެޓޭޗްކޮށް ހުއްޓެވެ. ފާޚާނާދޮވެ ސާފުކުރަން ޖެހެނީ އަމިއްލައަށެވެ. ހުންނަނީ ތިންއެނދު ބެހެއްޓޭވަރުގެ ހަތަރުކޮޓަރިއާއި ދެއެނދު ކިރިޔާ ބެހެއްޓޭ ވަރުގެ ތިންކޮޓަރިއެވެ. މިތިންކޮޓަރި ތެރޭގައި ފާޚާނާއެއް ނުހުރެއެވެ. މިތިންކޮޓަރީގައި ތިބޭ ގައިދީން ދާންޖެހެނީ ގޯތިތެރޭގައި ވަކިންހަދާފައި ހުންނަ ދެފާޚާނާއަށެވެ.


އަޅުގަނޑު ފުރަތަ މަވެއްދީ މިތަނުން ދެ އެނދުގެ ކުޑަކޮޓަރި އަކަށެވެ. އަޅުގަނޑާ އެކުގައި އެކޮޓަރިއަށް، ދެން ގެނެސް ވެއްދީ ލ.އަތޮޅު މާވަށު ހުސައިން އަބޫބަކުރު (ބެއްޔާ) އޭ ކިޔާ މީހެކެވެ. އަޅުގަނޑާއެކު ކޮޓަރިއަށްވެއްދި ބެއްޔާއަކީ ދޮންދަރިއެއްގެ ގަޔަށް އަރައިގެން ހުކުމެއް އިއްވާފައި ހުންނަމީހެކެވެ. ދެންތިބީ މީހުންތައް ބޮޑެތިކޮޓަރި ތަކަށް ބަހާލީއެވެ. ކޮންމެވަގުތެއްގައި ވެސް ކާންދޭންވީމާ، ކާބޯސާމާނު ނެގެސްކާގޭގައި ބެހެއްޓުމުން އެންމެން އައިސް ކާގޭގައި ހުންނަ މޭޒު ކައިރީގައި ތިބެގެން ކަނީއެވެ.


އެއްވެސް އުނދަގުލެއް ނެތެވެ. ކެއުމުގެ ކަންތައް އޮތީ މިހެންކަން އެނގުމާއެކު ސައްޕެ އިސްވެ ހެދިގޮތަކީ، ކާންހަދާނެ މީހުންނާއި ކާގެސާފު ކުރާނެ މީހުންގެ ޑިއުޓީއެއް އެންމެން ޝާމިލްކޮށްގެން ހަދާފައި އެޗާޓު ކާގެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ފަހު، އެއަށް އެންމެންވެގެން އަމަލުކުރަން ފެށީއެވެ. އެމީހަކު ހަޑިކުރާ އެއްޗެއް ދޮންނަންޖެހެނީ އެމީހެކެވެ. ޑިއުޓީން ދޮންނަންޖެހެނީ އެހެން ތަކެއްޗެވެ. ވަރަށް ތަރުތީބުން ހުރިހާކަމެއް ބަހާލައިގެން އެންމެންގެ މަޝްވަރާގެ މަތިން ބަރާބަރަށް މިކަންތައް އިންތިޒާމްވެގެން ކުރެވެން ފަށައިފިއެވެ.


ސައްޕެ އާއި އަޅުގަނޑާ، ދެމީހުން ދެޓީޗަރުންގެ ގޮތުގައި ތިބެގެން ކާގޭގައި ކްލާސްތަކެއް އެހެން ގައިދީންނަށް ނަގައިދޭން ފަށައިފީމެވެ. އިނގިރޭސި ކިޔަވަން ބޭނުންމީހަކަށް އިނގިރޭސި ބަސް ކިޔަވައިދެނީއެވެ. ހިސާބުކިޔަވަން ބޭނުންވާ މީހަކަށް ހިސާބު ކިޔަވައިދޭން ފަށައިފީމެވެ. އަޅުގަނޑުމެން ކިޔަވައިދެނީ އަޅުގަނޑުމެނާ އެކުގެނައި ބަންދުގައި އުޅޭ އަލިފާނުގެ މީހުންނަށާއި ދެން ގާމާދޫ ޖަލުތެރެއިން ނުލަފާކޮށް އުޅެގެން އަޅުގަނޑު މެންބަޔަށް ގެނެސްލީ މީހުންނަށެވެ.


ނަމާދުކުރުމަށް ހުންނަމިސްކިތް ހުންނަނީ މިބައިން ބޭރަށް ނުކުންނައިރު ފެންނަގޮތަށް ކުރިމަތީގައެވެ. ވަރަށް ކައިރީގައެވެ. ފުރަތަމަކޮޅު މިސްކިތަށްދާން ބޭރަށް ނުނެރެއެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން ކޮންމެ ވަގުތެއް އައިސް ޖެހުމުން ނަމާދަށް ދިއުމަށް ނެރެއެވެ. އަދި ނަމާދުކޮށް ނިމުމުން ގެނެސް އެތެރެއަށް ވައްދައި މައިދޮރު ތަޅުލަނީއެވެ. ހުކުރަށް ވެސް ނެރެނީ މިގޮތަށެވެ. ހުކުރުދުވަހު ހުކުރުކޮށްދޭނެ އިމާމަކު އައިސް ހުރެއެވެ. ނަމާދު ކޮށްދޭން ވަކި މީހަކު ނުހުރެއެވެ. ގާމާދޫޖަލުގެ މިބަޔަކީ މިއަދު އަހުރެމެންނާއެކު އަލަށް ހުޅުވިގެން ދިޔަބަޔެވެ.


މިއަދު އަޅުގަނޑު މެންގެ އިތުރަށް މިބަޔަށް ގެނައީ ކުޑަކުދިންގެ މައްސަލަ ތަކުގައި ހުކުމް އިއްވާފައި ތިބި ތިންމީހަކާއި ވައްކަމުގެ ކުށަށް ހުކުމް އިއްވާފައި ތިބި ދެމީހެކެވެ. މި ފަސްމީހުން ގެނެސް ވެއްދީ ގާމާދޫންނެވެ. މިތަނަށް އަޅުގަނޑުމެން ވެއްދުމުން ވަރަށް އުފާވެހިތްހަމަ ޖެހުނެވެ. ކުޑަގޮޅީގެ އަނިޔާވެރި އެކަނިވެރި ބަންދުން ސަލާމަތް ވީމައެވެ. އެންމެން އެކުގައި ބައްދަލުވެ، ވާހަކަދައްކާއި މަޖާކޮށް ހެދޭތީއެވެ. ދެންމާކަ ގޯހެއް ނޫނެވެ. އެދޭ ހުރިހާ ކަމެއް ކޮށްދެއެވެ. މިބައި ބަލަހައްޓަނީ ޕްރިސަންސް ޑިވިޝަނުންނެވެ. ޑިފެންސް މިނިސްޓްރީއަކުން ނޫނެވެ.


ރަސްމީގޮތުން ސިފައިންނެއް ނޫނެވެ. އެހެނަސް އަބަދުވެސް ސިފައިން ޑިއުޓީއަށް ތިބޭތަން ފެނެއެވެ. ކިރިޔާކަމެއް ދިމާވިޔަސް އެޓެންޑު ކުރަނީ ސިފައިންނެވެ. ގާމާދޫ ޖަލުގެ ކުދިގޮޅިތައް ހުންނަނީ މިބަޔާ ވަރަށް ކައިރީގައެވެ. ހަޅޭލަވާއަޑާއި އެގޮޅިތަކުގައި ހިންގާކަންތަކުގެ އަޑުފަށްގަނޑު ރީތިކޮށް މިބަޔަށް އިވެއެވެ. މި ބައިގެ އިންފާރު އުސްކޮށް ހުންނާތީ ނުފެންނަނީއެވެ. ކޮންމެއަކަސް މިރޭވަރަށް އަރާމު ނިންޖެއްގައި ރަނގަޅަށް ނިދާލެވުނެވެ. ކުރީގެ ބިރުވެރި ނާމާންކަމުން އެތައްބައެއް އުނިވެގެން ހިނގައްޖެކަން އިހްސާސް ކުރެވުނެވެ. ކަރަންޓާއި ބޮކި ސީލިނގުފަންކާ ހުރެއެވެ.


2 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 375 ވަނަ ދުވަހެވެ. މިއަދު ގެއިންކާނާ ވަށިގަނޑެއް ލިބުނެވެ. އެންމެން ބަހާލައިގެން ވަރަށްމަޖާކޮށް ކައިހެދީމެވެ. އެކުވެރި އެއްއާއިލާއެއްގެ ދިރިއުޅުމެއް ކަހަލައެވެ. ވަކިމީހެއް ތަފާތު ނުކޮށެވެ.


3 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 376 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އޮފީހުން ޕްރިސަންސްގެ ބޭފުޅުން ވަޑައިގެން އަޅުގަނޑު ހުރި ކުޑަކޮޓަރިން ނެރެ ބޮޑުކޮޓަރިއަކަށް ބަދަލުކޮށް ދީފިއެވެ. މިއީ އަޅުގަނޑު އެދިގެން ކޮށްދިން ކަމެއް ނޫނެވެ. ބެއްޔާ އާއެކު އަޅުގަނޑު އެޓެޗްފާޚާނާއެއް ނެތްކޮޓަރިއެއްގައި ނުބޭއްވުމަށް އެބޭފުޅުންގެ ހިތަށް، ﷲ ވައްދަވައި ދެއްވީއެވެ.


މިކަމާވެސް އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަޅުގަނޑު ބޮޑުކޮޓަރިއަށް ބަދަލުކުރިއިރު އެކޮޓަރީގައި އުޅެނީ އެންމެ މީހެކެވެ. އަނެއް ދެއެނދު ހުރީ ހުސްކޮށެވެ. އަޅުގަނޑު މިކޮޓަރިއަށް ގެނައުމުން މިކޮޓަރީގައި ދެމީހުން ހަމަވީއެވެ. މިކޮޓަރީގައި އަޅުގަނޑާއެކު ޝެއާކުރާ މީހާގެ ނަމަކީ ހ.ޅަރީތިގޭ އަހްމަދު ރަޝީދު (ޅަތީރި) އެވެ. މިއީ އަޅުގަނޑު މީނާ އައި މުއާމަލާތު ކުރާ ފުރަތަމަ ދުވަހެވެ.


މީނާ އައި ރައްޓެހިވެ ވާހަކަދައްކާ ލުމުންބުނީ މިނާއަށް ހުކުމް އިއްވިފައި ވަނީ، މީނާއާ އަދި ތަންބިނަސީމުގެ ދަރިފުޅު ފާޒިރުއާ ދެމީހުންވެގެން ރޭގަނޑު ގޭގެއަށް ވަދެ އަންހެންކުދިން ނިދާފައި ތިއްބާ އެކުދިންގެ ހެދުންކަފާލައި ޖަނގިޔާކަފާލައި ބުރާނައްޓުވާހަދައި ފޮޓޯނަގާއި އެކުދިންނާ ބެހިހަދައިގެންނާއި އެ ގެތަކުން ވައްކަން ކުރުމާގުޅިގެން ހުކުމް އިއްވުނު މީހެއްކަމަށެވެ.


މިއިންބޮޑު ކޮޓަރިއެއްގައި ހުންނަނީ ތިންމީހުންގެ ޖާގައެވެ. ތިންއެނދު ބަހައްޓާފައެވެ. ކުޑަތިންކޮޓަރީގައި ހުންނަނީ ކޮޓަރިއެއްގައި ދެއެނދެވެ. ރީތި ރަނގަޅު އެނދެވެ. އާ ގޮދަޑިއާއި އާ ބާލިހާއި އާ ބެޑްޝީޓު ދީފައި ހުއްޓެވެ. އެޓެޗް ފާޚާނާވެސް ހުރީ ތަށިމުށިޖަހާ ވަރަށްރީއްޗަށް ހަދާފައެވެ.


ކޮންމެދުވަހަކު ފާޚާނާދޮވެ ސާފުކޮށްހަދަނީ އަޅުގަނޑެވެ. ޅަރީތި މިއިން ކަމަކާ އެއްގޮތަކަށް ވެސް ނޫޅެއެވެ. އެސޮރަށް ކާންދިނުމާއި ކިޔަވައިދިނުމަކީ ވެސް އަޅުގަނޑު ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ކޮޓަރި ހުރީ ސީލިންގުކޮށް އެނބުރޭފަންކާލާއި ވައިރުކޮށް ހޮޅިބުރިހަރުކޮށް ކުލަލާހަދާފައެވެ. އެއްވެސް ދަތިކަމެއް ކޮޓަރީގައި ނެތެވެ. ފާޚާނާ ސާފުކުރަން ބުރުހަކާއި ވިމްފުޅިއަކާ ގެނެސްދީފައި ހުއްޓެވެ. ކޮޓަރިސާފުކުރަން ފިހިގަނޑެއް ވެސް ދީފައި ހުއްޓެވެ. ދެމީހުންގެ ތިންކޮޓަރި އާއި ތިންމީހުންގެ ހަތަރުކޮޓަރިއެވެ. ޖުމްލަ، 18 މީހުންގެ ޖާގަ މިބައިގައި ހުރެއެވެ.


އެހެނަސް މިވަގުތު އަދި ތިބީ، 11 ގައިދީންނެވެ. އެއީ ދޫނިދޫންގެނައި، 6 މީހުންނާއި ގާމާދޫޖަލުން މިބަޔަށް ވެއްދި، 5 މީހުންނެވެ. ދޫނިދޫން މިބުރުގައި ގެނައީ އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް) އާއި ބޮޑުސައްޕެ (މުހަންމަދު ޝަފީގު) އާއި ވިސާމާއި ނާސިރާއި ކާދޫއިބުރޭ އާއި ހީރޯއެވެ. އަޅުގަނޑާއި ސައްޕެއާ ފިޔަވާ ދެން ތިބި، 4 މީހުންނަކީ މާލެތެރޭގައި ހުޅުޖެހިމީހުންގެ ތެރެއިން، 4 މީހުންނެވެ. ދެން ގާމާދޫޖަލުން ވެއްދި މީހުންގެ ތެރޭގައި ވައްކަންކުރި ގްރޫޕެއްގައި ހިމެނޭ ދެމީހަކު ވެސް އުޅެއެވެ. އެއީ ޅަރީތިއާއި ފާޒިރެވެ.


ފަހުން އެނގުނުގޮތުގައި އިސްތަފާ، މިފަދަމީހުން އަޅުގަނޑުމެން، ސިޔާސީމީހުންނައި އެއްކޮށް ބައިތިއްބީ އެމީހުންލައްވާ، އަޅުގަނޑު މެންގެ ހަރަކާތްތައް ބަލާއި ޖާސޫސު ކުރުވުމަށެވެ. މިކަން އެނގުނީ މިކުދިވެރިން މިވާހަކަތައް ފަހުން ބުނެދީ ކިޔައިދިނީމައެވެ. ފާޒިރާއި ޅަރީތި ލައްވާ މިކަންކުރުވާ ކަމަށް ފަހުން އެވެރިންގެ އަމިއްލަ އަނގައިން ބުނެދިނެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން މިއެންމެން ވެގެންދިޔައީ އަޅުގަނޑުމެންގެ ދަރިވަރުންނަށެވެ. އަޅުގަނޑުމެން ބުނާގޮތެއް ނޫނީ ނުހަދައެވެ. ސައްޕެއާއި އަޅުގަނޑަކީ، އެވެރިންގެ އުސްތާޒުންނެވެ. އެވެރިންނަށް ކިޔަވައިދީ ހަދަނީ އަޅުގަނޑު މެންނެވެ.


އަރަބިބަސް ކިޔަވަންފެށި ކުދިންވެސް ތިއްބެވެ. އަދި މިކުދިންނަށް ކަސްރަތުކޮށްދީ ހަދަނީ ވެސް އަޅުގަނޑެވެ. ކޮންމެ ދުވަހަކު ހެދުނާއި ހަވީރު ކަސްރަތުކުރުން ބާއްވަމެވެ. ބޭނުންކުއްޖަކު ބައިވެރިވާގޮތަށެވެ. އަދި ކޮންމެދުވަހަކު ކާގޭގައި ކްލާސް ހަދައިގެން ކިޔަވައިދީ ހަދަމެވެ. މި މީހުންތައް އިސާހިތަކު ވަރަށް އެކުލަވާލާއި އެކަތިގަނޑަކަށް ވެއްޖެއެވެ. އެއްއާއިލާއަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑުމެން ބޮޑުންގެގޮތުގައި ތިބިމީހުންގެ ބަސްގަބޫލުކޮށް ރަނގަޅު އުޅުމެއް އުޅެން ފަށައިފިއެވެ.


އަންނިއާއި ހެރިންސް ހަންނާނު މިބަޔަށް ގެނައިފަހުން، އެބޭފުޅުންވެސް ބައެއް ކްލާސްތަކުގައި ކިޔަވައިދޭން ފެށީއެވެ. މިތާތިބޭ އެންމެންނަކީ ވެސް ކިޔަވައި އަދި ކިޔަވައިދޭ މީހުންނަށް ވެއްޖެއެވެ. ކެއުންވެސް އެދުނުގޮތުގެ މަތިން ވަރަށް ރަނގަޅުކޮށް ދީފިއެވެ.

މިވަގުތު ގާމާދޫ ޖަލުގެ މިބައިގައި ތިބި މީހުންނަކީ:


1- އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް)

2- މުހަންމަދު ޝަފީގު (ސައްޕެ)

3- ހީރޯ (އަލިފާނާގުޅޭ)

4- އަބްދުﷲ ދީދީ (ކުޑަކުއްޖަކާ ބެހިގެން)

5- އޭދަފުށީ އަލީގެ ނާސިރު (މާލެތެރޭގައި އަލިފާންރޯކުރި)

6- ވިސާމް (މާލެތެރޭގައި އަލިފާންރޯކުރި)

7- ކާދޫއިބުރޭ (އަލިފާނާގުޅޭ)

8- ޅަރީތި އަހްމަދު ރަޝީދު (ވައްކަންކޮށްގެން)

9- ތަންބި ނަސީމުގެ ފާޒިރު (ވައްކަންކޮށްގެން)

10- ލ.މާވަށު ހުސައިން އަބޫބަކުރު ބެއްޔާ (ދޮންދަރިއަކާ ބެހިފައިވާ)

11- އަބްދުލްޣައްފާރު (ދޮންދަރިއަކާ ބެހިފައިވާ) މިއެގާރަ މީހުންނެވެ.


4 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 377 ވަނަ ދުވަހެވެ. އިއްޔެ ލިޔުނު ސިޓީއެއް ގެއަށް ފޮނުވުމަށް ޕްރިސަންސްގެ ގާޑާ ހަވާލު ކުރީމެވެ. އަބްދުލްޣައްފާރު އަރަބިބަހުގެ އިތުރު ކްލާސްތައް ނަގައެވެ. އޭނާ އަރަބި ބަސް ދަސްކުރާހިތުން އުޅެއެވެ.


5 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 378 ވަނަ ދުވަހެވެ. ވަރަށް މަޖަލުގައި އެންމެންވެސް ދުވަސްތައް ހޭދަކުރަމުން ދަނީ ހިތްހަމަ ޖެހިގެންނެވެ. އުނދަގުވާ ކަމެއްނެތެވެ. ރޭގަނޑު ވަރަށް ދަންވަންދެން ސިޔާސީ ވާހަކަތައް ދައްކަން ސައްޕެއާއެކު އަޅުގަނޑުމެން ތިބެމެވެ. ފާޒިރަކީ ވަރަށްމަޖާ ގޮލައެކެވެ. އަޅުގަނޑާ ވަރަށް ރައްޓެއްސެވެ. އަބަދުވެސް މަޖާ ކުރާ ގޮލައެކެވެ.


6 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 379 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.


7 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 380 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރެދޭތޯ އެވާހަކަ ޕްރިސަންސްގެ ފަރާތުން ގާމާދޫގައި އިސްކޮށް ހުންނަވާ މީހާއާ ވާހަކަ ދެއްކުމުން ވިދާޅުވީ އެކަންތައް މާލޭގައި ހުންނަ ހެޑްއޮފީހަށް، ޕްރިސަންސަށް ހުށަހަޅައި ދޭނެކަމަށެވެ.


ދިވެހިސަރުކާރު ވަފުދެއް ޖަލަށް ޒިޔާރަތްކުރުން:


8 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 381 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުދުވަހެކެވެ. ކުއްލިއަކަށް ހަވީރުވަގުތުގައި ފެނުނީ، އަޅުގަނޑުމެން ތިބޭބައިގެ ދޮރުހުޅުވާލާފައި އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އޮނަރަބްލް އުމަރުޒާހިރާއި އަލްފާޟިލް އިސްތަފާ އިބްރާހީމް މަނިކާއި ޕްރިސަންސުން ވަޑައިގެންނެވި ގަސް އިބްރާހީމް މަނިކާއި ސިފައިންގެ ފަރާތުން ގާމާދޫޖަލު ބަލަހައްޓަން ހުންނަވާ ސަރުދާރު ފަލްކަން، މި އެންމެން އައިސް އެކުގައި ވެންނެވިތަނެވެ.


ފަލްކަންއަކީ އޭރުކޯޕަރަލެކެވެ. މިބޭފުޅުން އަޅުގަނޑުމެންނާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. ޚާއްސަކޮށް އަބްދުﷲ ކަމާލުއްދީން އަޅުގަނޑާ ހިތްހެޔޮކަމާ އެކު ގިނައިރު ވާހަކަދައްކަވާ ހެއްދެވިއެވެ. ބަންދުލުރުމުގެ ކުރިން އެއީ އަޅުގަނޑުގެ ވަޒީރެވެ! އެދުވަސްވަރު އިސްލާމީ މަރުކަޒު އިސްބޭފުޅެއްގެ ގޮތުގައި ބަލަހައްޓަވަނީ އަބްދުﷲ އެވެ!


އުމަރުޒާހިރުވެސް އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވިއެވެ. އަދި އެއްވެސް ކަހަލަ ދަތިކަމެއް ވާނަމަ، ޕްރިސަންސްގައި ސިޓީއަކުން ދަންނަވާލުމުން ހަމަޖެހޭނެ ވާހަކަ ވިދާޅުވިއެވެ. ފަހުން އެނގުނު ގޮތުގައި މިބޭފުޅުން ޖަލު ބައްލަވާލައްވަން މި ވަޑައިގެންނެވީ، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބޭރުގެ ޖަމްޢިއްޔާތަކުން އަޅުގަނޑުމެންނާ ގުޅޭގޮތުން ޝަކުވާތައް ކުރަމުން ގެންދާތީ އެކަމާ ޖަވާބުދާރީ ވުމަށްޓަކާ ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ.


ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ޕްރެޝަރ ކުރަމުން ގެންދާކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ފަހުން ލިބުނެވެ. އަދި އެމީހުން ނެރެމުން ގެންދިޔަ ރިޕޯޓްތައް ވެސް ފެނުނެވެ. ކުރީގެ ބައިތަކުގައި އެ ރިޕޯޓުގެ ލިންކުތައް ގެނެސްދީފައި ވާނެއެވެ. އެންމެ ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް ފައިވަނީ، ލަންޑަންގައި ހެޑްއޮފީސް ހުންނަ، އެމްނެސްޓީ އިންޓަރނޭޝަނަލުންނެވެ.


9 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 382 ވަނަ ދުވަހެވެ. މިއަދު މިބަޔަށް އިތުރު، 4 މީހުންގެނެސް ވެއްދިއެވެ. މި މީހުންނަކީ، ވިންޓަރ ޝަރީފާއި އަބްދުއްރައްޒާގާއި މާފަންނު އަސުރުމާގޭ އާދިލާއި އަދި މުފީދު (މުފީއްޓޭ) އެވެ. މިއަދުން ފެށިގެން މިބައިގައި، 15 މީހުން ހަމަވީއެވެ. މުފީއްޓޭއަކީ ގާމާދޫޖަލުގައި ވަރަށް ސިޔާސަކޮށް އުޅެމުންގެންދާ ޖަލުތެރޭގައި ވަރަށް މަޝްހޫރު މީހެކެވެ.


މީނާއަކީ ކުޑައިރުންފެށިގެން ޖަލުގައި ގެންގުޅޭ މީހެކެވެ. މީނަވެސް މިބަޔަށް ގެނެސް ވެއްދީއެވެ. މީނާއަކީ، ޖަލުގެބަންދުގައި ވަރަށް ގިނަދުވަސް ވެފައިވާ މީހެކެވެ. އިސްލާހިއްޔާއިން ފެށިގެން، އޭނާ އަބަދުވެސް އުޅެމުން ގެންދަނީ ޖަލުގައެވެ. މާލެ ގެންދާއިރަށް ދުވެ ފިލަނީއެވެ. ދެން މާލެތެރޭގައި ވައްކަންކޮށް ލޫޓުވާހަދައިގެން އަނެއްކާވެސް އަތުލައިގަނެ ޖަލަށް ގެންނަނީއެވެ. މަތިމައްޗަށް ހުކުމްތައް އިއްވިފައިވާ މީހެކެވެ.


މިގޮތަށް ޖަލުގެ ހުކުމްތަކެއް ތަކުރާރުކުރަމުން ގެންދާ، އަދި ޖަލަށް ބަލަދުއަރާފައިވާ މީހެކެވެ. މީނާ ޖަލުގައި މަޝްހޫރު ވެފައިވަނީ މަޝްހޫރު "މުފިއްޓޭ" ގެ ނަމުންނެވެ. "ރެންޗޭ" އަކާއި "ކިރުބޯ" އަކާއި "އަތްބަޅޭ" އަކާއި "ކިޔަވާ" އަކީ ޖަލުތެރޭގައި މިގޮތަށް މަޝްހޫރު މީހުންނެވެ. މި މުފިއްޓޭއަށް ތަޅުދަނޑިއައި ނުލާ ހުޅުވަން ނޭނގޭ ބިޑިއެއްނެތެވެ. ރޭގަނޑު ދަންވަރު ނުވަންނަގޮޅިއެއް ގާމާދޫ ޖަލަކު ނުހުރެއެވެ. ފާރުމަތިން އަރައިގެން މުޅިޖަލު ތެރޭގައި އުޅެފައި ފަތިހަށް އެނބުރިއައިސް ހުންނާނީ ކޮޓަރީގައެވެ.


ބުރައުންޝުގާ ދަސްވުން:


މުފިއްޓޭއަކީ ޖާސޫސުކޮށް ވާހަކައުފުލުމަށް ވަރަށްމޮޅު ގޮލައެކެވެ. ޖަލުގެ ޚަބަރުތައް އެއްބަޔަކު އަނެއްބަޔަކަށް އުފުލައިދީ ހަދައެވެ. ކަރޯ އައްބާސް މެންގެ މެސެޖްތައް ޑީބީ ޝާހިދުމެން، ލުތުފީމެންގެ ވާހަކަތައް ބަރާބަރަށް އަޅުގަނޑަށް ގެނެސްދީ ހަދައެވެ. މީނާގެ ވާހަކަތައް ހުންނަގޮތުން އެއްބައި ފަހަރު އިސްތަފާމެންނާ ވެސް ގާތްގުޅުމެއް އޮންނަ މީހެއްހެން ހީވެއެވެ. މުފިއްޓޭ އަކީ، ޖަލުގައި ބްރައުންޝުގަރ އާންމުކޮށް ގެންގުޅޭ މީހެކެވެ. ޖަލުގައި އެވިޔަފާރި ހިންގައިދޭ އިސްމީހެކެވެ.


މީނާއަކީ، އަޅުގަނޑާ ވަރަށްގާތް ގުޅުމެއް ގެންގުޅޭ އަދި އަޅުގަނޑުގެ ބަސްއަހާއި ގަބޫލުކުރާ ގޮލައެކެވެ. އަޅުގަނޑަކީ އެދުރެއްކަމުގައި ގަބޫލުކުރެއެވެ. ބުނާކޮންމެ ކަމަކަށް ހުޝިޔާރަށް ހުންނަ ގޮލައެކެވެ. ބްރައުންޝުގަރ އަކީކޯޗެއްކަން އަޅުގަނޑަށް ދަސްކޮށްދިނީ މީނާއެވެ. ބޯންހަދާނެގޮތާއި ރަނގަޅު އެއްޗެހިތޯ ޗެކްކުރާނެ ގޮތްތަކާއި ބޮއިގެންވާގޮތް އަޅުގަނޑަށް ކިޔައިދީ، އަދި އަމަލުން އަޅުގަނޑަށް ދައްކައިދީ ހަދައެވެ. އޭނާބޮނީވެސް އަޅުގަނޑުގެ ކުރިމަތީގައި އިނދެގެންނެވެ.


އަދި މަސްތީހާލަތުގައި ހުރެގެން ފާރުމަތިން އަރައިގެންގޮސް އެނބުރި އަންނަނީ އިރުއަރަން ކާރިވީމައެވެ. ގިނަރޭރޭ މީނާ އަންނަންދެން އަޅުގަނޑު ހޭލާއިންނަމެވެ. މުހިންމު ޚަބަރުތައް ހޯދުމަށެވެ. މީނާގެ ސިފަބަދަލުކުރާ ގޮތާއި އެކަމަށް ގެންގުޅޭ ސާމާނުވެސް އަޅުގަނޑަށް ދައްކާހަދައެވެ. މޫނު މުޅިން އެހެން ސިފައަކަށް ފަލަކޮށްލާ ހަދަނީ ކަފައާއި ކޮޓަންފޮތި ކޮޅުތަކެއް އަނގަތެރޭގެ އެކިދިމާތަކަށް ލައްވައިގެންނެވެ. މިހުރިހާ ސާމާނެއް އޭނާއަތުގައި ތައްޔާރުކޮށްފައި ހުރެއެވެ.


ޑުރަގްބޮއިގެން އުޅޭގޮތާއި ކުރާކަންތަކުގެ ވާހަކަތައް މީނާ، އަޅުގަނޑަށް ކިޔައިދީ އަބަދުވެސް ހަދާނެއެވެ. އެއީ އަޑުއަހާހިތްވާ ވާހަކަތަކެކެވެ. ވަރަށް މަޖާ ކަންތަކާއި ނުލަފާކަންތައް ވެސް އެހާލަތުގައި މިކަލޭގެ ކޮށްފައި ހުރެއެވެ. މިއީ ބައެއްފަހަރު ވަރަށް މަޖާވެސް ގޮލައެކެވެ. މީނާ މިގޮތަށް ސިފަބަލުކޮށްގެން މާފަންނު ޕާމްކޯޓަށް ވަދެ އުޅެނިކޮށް ކޮލި އަލިމަނިކުގެ ދަރިފުޅު އައިންތު އަލީ އާ ރޭގަނޑެއްގައި ދިމާވި ވާހަކައެއް އަޅުގަނޑަށް ކިޔައިދީފައި ވެއެވެ.


އަބްދުއްރައްޒާގާއި ވިންޓަރަކީ ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ ހާދިސާއާއި އެންދެރިމާގޭ އިލްޔާސް، އަދި ސަޓޯގެ މަޝްހޫރު ކެސެޓްރޯލް ހާދިސާގެ މީހުންނެވެ. އަސުރުމާގެ އާދިލަކީ، މާލެތެރޭގައި އަލިފާންރޯކުރި ގްރޫޕްގެ ތެރޭގައި ވަރަށް މުހިންމު އިސްރޯލެއް އަދާކުރި މީހެކެވެ. މީނާގެ ޅިޔަނަކީ ކަރިޝްމާ އައްބާހެވެ. މިއައްބާސް ވެސް މިކަމުގައި އާދިލާގުޅިގެން ކޮންމެވެސް ވަރެއްގެ ރޯލެއް އަދާކޮށްފައި ވާކަމަށް ވެއެވެ.


އާދިލަކީ މާލެތެރޭގައި އަލިފާންރޯކުރި އޭދަފުށީ ނާސިރަށާއި މ.މާކޮޅު ވިސާމަށް ހިތްވަރުދީ ހަދަންވާގޮތްތައް ކިޔައިދީ ހަދާ އިސްމީހެކެވެ. އެ ދެކުދިންގެ އެ ދުރުބެއެވެ. މާލެތެރޭގައި މިކަންކުރަން ނުކުންނައިރު ކާންވީބޭސް ބުނެދީ، އެ ބޭސްތައް ހޯދައިދީ ހަދާ މީހާއެވެ. ކަރިޝްމާ އައްބާސް އަކީ، އާދިލަށް އެޑްވައިޒްދީ ކުރަންވާކަންތަކުގެ މަޝްވަރާ ދީހަދާ މީހާއެވެ. ނުވަތަ އާދިލު ހިތްވަރު ލިބިގަންނަ މީހާއަށްވެއެވެ. މި ކަރިޝްމާ އައްބާހާއި ސީދާކޮށް އެންދެރިމާގޭ އައްބާހާ ބަދަހިގުޅުމެއް އޮންނަކަމަށް ވެއެވެ. އާދިލުގެ އާއިލާއަކީ އެންދެރިމާގެއާ ވަރަށް ގުޅުންބޮޑު އާއިލާއެކެވެ. ވީމާ މާލޭ ބޮޑުހުޅު - 1990 އާއި ބިންބިފޯސް އާއި އެންދެރިމާގެ އާ ގުޅޭ ސިލްސިލާއަކީ މިއީއެވެ!


މާލެތެރޭގައި އަލިފާނުގެ ހާދިސާތައް ފެށިފައިވަނީ މި ސިލްސިލާގެ ތެރެއިން މި ކަހަލަ ގޮތަކަށެވެ. މި ކަހަލަގުޅުން ތަކެއްގެ ތެރެއިން މަތިން ތިރިޔަށެވެ. މުގޫ ގޮސް ގުޅިފައި އޮންނަނީ، އައްބާސް އިބްރާހީމަށެވެ. މިއީ އެޕާޓީން ހިންގަމުން ގެންދިޔަ ސިޔާސީ ހުޅުޖެހުމެކެވެ. މާލޭބޮޑުހުޅު - 1990 އެވެ. މަގުސަދަކީ،  ސިޔާސީ ބޭނުމެވެ. އަދި މާލެތެރެ ފަސާދަކުރަން ނެރުނު ބިންބިފޯސް އައި މިގްރޫޕާއި ޚާއްސަ ގުޅުންތަކެއް އޮންނަކަމަށް ވެއެވެ. އެ ގުޅުން ދަމަހައްޓަނީ އަސުރުމާގެ ކަރިޝްމާ އައްބާހާއި އާދިލުއާ މެދުވެރިވެއެވެ.


ޖަލުގައި ތިބެގެން އަޅުގަނޑު މެންނާއި މާލެތެރޭގައި އަލިފާންރޯކުރި ކުދިންނާ ދެމެދު ދެކެވުނު ވާހަކަތަކުން މިއީ ހޯދިފައިހުރި ހަގީގަތެކެވެ. ތެދު އެކުލެވޭ ހަގީގަތެކެވެ. އެދުވަސް ވަރުގެ ބޮޑުހުޅުގެ ހަގީގަތަކީ މިއީ އެވެ! މިވާހަކަތައް ނާސިރާއި ވިސާމާއި އަޒީއާއި އާދިލުމެން ޖަލުގައި ތިބެގެން އަޅުގަނޑަށާއި ސައްޕެއާއި އަންނިއަށް ވަރަށް ތަފްސީލުކޮށް އެކިފަހަރު މަތިން ތަކުރާރުކޮށް ކިޔައިދީހަދާފައި ވެއެވެ.


އަދި މާލެތެރޭގައި މިމީހުންހިންގި އަލިފާނުގެ ހާދިސާތަކާއި ޑޮކްޓަރ ވަހީދާގުޅުވުމަށް ބިންބިފޯހުން ކުރިމަސައްކަތްތައް ވެސް މިމީހުން ވަނީ، އަޅުގަނޑު މެންނަށް ވަރަށް ސާފުކޮށް ތަފްސީލާ އެކު ކިޔައިދީފައެވެ. މަދްރަސަތުލްޝަހީދު ހިންގަން އެ ސްކޫލްގައި އިސްކޮށް އުޅުއްވި، ވާދޫޑީޑީ ކެމެރާ އަކާ ގުޅުވައިގެން އުފެއްދާއި އީޖާދުކުރި މައްސަލައެއްގެ ތުހުމަތުގައި ކަމަށް ހަދާއި، އާދަންޒާހިރު އޭނާ ޖަލަށް ގެނެސް ނާސިރުމެންނާ ބައްދަލުކުރުވާއި އޭނާލައްވާ އެކުދިންނާ ދެއްކި ވާހަކަތަކާއި ރޭވިރޭވުންތައް ވިސާމާއި ނާސިރު އަޅުގަނޑުމެންނަށް ޖަލުގައި ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.


އަޅުގަނޑު ގެންދިޔައީ ދުވަހުން ދުވަހަށް އެ ހުރިހާ ވާހަކަތަކެއް ނޯޓުކުރަމުން ނެވެ. ޑީޑީގެ ވަސްވާސްތައް ނާސިރަށް ލައިދީފައި ވަނީ މާލެތެރޭގައި އަލިފާންޖެހީ ޑޮކްޓަރ ވަހީދު ވިދާޅުވެގެން ހިންގިކަމަކަށް ހަދާލުމަށެވެ. މިއީ ސިޔާސީގޮތުން މީގެކުރިން ވެސް ދިވެހިރާއްޖޭގެ ގަދީމީ ތާރީޚުގައި ވެސް މިފަދަކަންތައް ސިޔާސީބޮޑުން އަޑީގައި ތިބެގެން މާލެތެރޭގައި ހިންގާފައިވާ ގޮތެވެ. އެއްވެސް ތަފާތެއް ނެތެވެ!


އަބްދުލްޙަކީމްހުސައިންމަނިކުގެ ފިތުން
އަބްދުލްޙަކީމްހުސައިންމަނިކުގެ ފިތުން

ސިޔާސީ މަގްސަދުތަކެއް ބޭނުންވާ ބީދައިން ހާސިލުކޮށްލަން ވީމާ، މާލެތެރޭގައި އަލިފާންޖަހާ ފަސާދަކޮށްލަނީއެވެ. މާލޭތެރޭގައި އަލިފާންޖެހުމުގެ މިހާދިސާ ވެސް ހިންގާފައި ވަނީ ހަމަ އެ ފަދައިންނެވެ. މާލެތެރެ ފަސާދަ ކޮށްލުމުގެ ބޭނުމުގައެވެ. ވަރުގަދަ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށެވެ. ކުރީގެ ބޮޑުހުޅައި އެއްބީދައިންނެވެ. އަލްމަރުހޫމް އަބްދުލްހަކީމް ހުސައިންމަނިކު ލިޔުއްވާފައިވާ، “ބޮޑުހުޅުގެ ތާރީޚު” މިފޮތް ކިޔާލުމުން މިކަންތައް ދިރާސާކޮށްލަން ވަރަށް ފަސޭހަވާނެއެވެ.


އަބްދުލްހަކީމް ހުސައިންމަނިކުގެ ބޮޑުހުޅުގެ ތާރީޚު ފޮތުގެ ބޭރުގަނޑުގެ ފޮޓޯއެއް
އަބްދުލްހަކީމް ހުސައިންމަނިކުގެ ބޮޑުހުޅުގެ ތާރީޚު ފޮތުގެ ބޭރުގަނޑުގެ ފޮޓޯއެއް

އެދުވަސްވަރުގެ ހުޅުޖެހުމާއި މާލެތެރޭގައި ހިންގުނު މިދުވަސްވަރުގެ ހުޅުޖެހުމާ ގުޅުވާލާއި ދިރާސާ ހަދާލުމުން ނަތީޖާނުކުންނާނީ ވަރަށް އެއްގޮތަށެވެ. ސިޔާސީގޮތުން ބަޔަކުހަލާކު ކޮށްލައި ނައްތާލުމަށް ވެރިކަމާ ގުޅޭފަރާތުން ރާވައިގެން ހިންގާ ބޮޑުފަސާދައެއް ކަމުގައި ފާހަގަކޮށް ބެލެވިފައި އެބަހުރެއެވެ. މިއީ އަދިވެސް އިތުރަށް ދިރާސާ ކުރެވިދާނެ ސިޔާސީ ހަގީގަތްތަކެއް އެކުލެވޭ މައުޟޫއެކެވެ.


އެފޮތުގެ 21 ވަނަ ސޮފްހާ
އެފޮތުގެ 21 ވަނަ ސޮފްހާ

މިދިރާސާހަދާއި މިވާހަކަތައް ލިޔާނެ ޒުވާންދިވެހި ދަރިން އެބަ އުފެދެން ޖެހެއެވެ. ތާރީޚަށް ލޯބިކުރާ ކިޔަވާކުދިން މިފަދަ ދިރާސާތައް ކުރަން ޖެހޭނެއެވެ. އެންދެރިމާގޭ ސިޔާސީ ކޭންޕުން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ ހަގީގަތްތައް އިތުރަށް ހޯދާއި ލިޔަން ޖެހޭނެއެވެ. އެދުވަސްވަރު މާލެތެރެ ފަސާދަކުރީ ކޮންފަދަ ސިޔާސީ ބޭނުންތަކެއް ހާސިލުކުރަންތޯ ބެލެވެން ޖެހޭނެއެވެ.


އަހުރެމެން ގާމާދޫޖަލުގައި ބައިތިއްބުމަށް ހެދި އާ އިމާރަތް (ސިޔާސީފައްޅި):


އާދެ! އަޅުގަނޑުމެން ގާމާދޫޖަލުގައި ބައިތިއްބާފައި ތިބޭބައިގައި ހުންނަނީ، 7 ކޮޓަރިއެވެ. ކޮޓަރިތަކަށް ނަންބަރުދީފައި ހުންނަނީ މިގޮތަށެވެ. 6، 7، 8، 9، 10، 11، އަދި 12 އެވެ. 6 ކުން، 8 ކަށް ދެއެނދުގެ ކޮޓަރިއެވެ. 9 ކުން، 12 އަށް،  ތިންއެނދުގެ ކޮޓަރިއެވެ. މިހާރު ގައިދީން ނުވައްދާ ހުރީ ހަމައެކަނި، 12 ނަންބަރު ކޮޓަރި އެކަންޏެވެ. މިއަދު މިކޮޓަރިއަށް ވެސް، 3 އެނދުވައްދާއި ގޮދަޑިއަޅާއި ތަންމަތިއަޅާއި ތައްޔާރު ކުރިއެވެ. މިކޮޓަރިއަށް ވެސް ވަރަށް އަވަހަށް މީހުންވައްދާނެ ކަމުގެމަންޒަރު މިއަދު ފެނިގެންދިޔައެވެ. މިތިންމީހުން ގެނައުމުން، 18 މީހުން މިތަނުގައި ހަމަވާނެއެވެ. އެއީ ޖުމްލަ، 18 މީހުންގެ ޖާގައެވެ. އޭރުން މިބައިމުޅިން ފުލްވާނެއެވެ.


10 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 383 ވަނަ ދުވަހެވެ. ރޭދިޔައީ ވަރަށް މަޖާކޮށެވެ. އަލަށް ގެނައި މުފިއްޓޭ މެންނާ ވަރަށްގިނަ ވާހަކަދެކެވުނެވެ. މިއަދު، 12 ނަންބަރު ކޮޓަރިއަށް ވެއްދި، 3 އެނދާއި ކޮޓަރި ރަނގަޅުތޯ ބަލައިލަން އޮފީހުން ބަޔަކު އައިސް އުޅުނެވެ. ހީވަނީ އިތުރު ތިންމީހަކު ހުސް ތިންޖާގަޔަށް ގެންނަނީ ހެންނެވެ. މިއަދަކު މާބޮޑުކަމެއް އިތުރަށް ހިނގާފައެއް ނެތެވެ.


11 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 384 ވަނަ ދުވަހެވެ. އެއްވެސް އާކަމެއް ނެތެވެ. މުފިއްޓޭގެ މޮޅުވާހަކަތައް އަހަން ވަރަށް ދަންވަންދެން ތިބީމެވެ. ދަތްއުނގުޅާ ބުރުހުން ތަޅުދަނޑި ހަދައިގެން އެކިވަށްތަރުގެ ބިޑިހުޅުވާ ވާހަކަތައް ކިޔައިދެއެވެ. ޖަލުގެ މާސިންގާދިގު މާޒީއެއް އޮންނަ މީހަކަށް ވާތީ ކިޔައިދޭނެ ބައިވަރު ވާހަކަ ހުރެއެވެ.


12 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 385 ވަނަ ދުވަހެވެ. މިއަދު ހަވީރު، 3 މީހުން ގެނެސް ހުސްކޮށް ހުރި، 12 ނަންބަރު ކޮޓަރިއަށް ވެއްދިއެވެ. މިމީހުންނަކީ، ނޯޝާދުވަހީދާއި މުއާޒު (ކެޕްޓަން) އަދި ރަޣީބު ތ.ގާދިއްފުށި މިތިންމީހުންނެވެ. މިބަޔަށް ޖުމްލަ، 18 މީހުންހަމަވީއެވެ. މިތަން، 18 ގައިދީންގެ މަރުކަޒަކަށް ވީއެވެ. ލަޖުކުދިން ކިޔާގޮތަށް "ސިޔާސީފައްޅި" އަކަށް ވީއެވެ!


ނޯބެ މިގެނައީ ހުކުމް ކޮށްނިމިގެން ޖަލުގެ ހުކުމަކަށް ވާތީ އެ ހުކުމް، ތަންފީޒުކުރުމަށެވެ. މީނާ ކުރިން ހުރީ ގޭގައެވެ. ރަޣީބާއި ކެޕްޓަން ގެނައީ ކޮންދިމާއަކުންކަން އަދި ސާފުކޮށެއް ނޭނގެއެވެ. އަދި ކިޔައިދޭ ޚިޔާލެއް ނުކުރެއެވެ. ހީވަނީ މާލޭން ހެނެވެ. މިއަދު ޕްރިސަންސަށް ސިޓީއެއްލީމެވެ. ބޭނުންވާ ބައެއްތަކެއްޗަށް އެދިއެވެ.


13 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 386 ވަނަ ދުވަހެވެ. އިއްޔެ ލިޔުނު ސިޓީ ޕްރިސަންސަށް ފޮނުވައި ދިނުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ.


19 ޖެނުއަރި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 392 ވަނަ ދުވަހެވެ. މިދިޔަ، 5 ދުވަހު ވަކިއާކަމެއް ނެތެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ރޭގަނޑު ގިނައިރުތަކެއް ވަންދެންމަޖާ ވާހަކަދެއްކުމުގައި ހޭދަކުރަމެވެ. 18 އެކުވީމާ ވަރަށް މަޖަލެވެ.


21 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 394 ވަނަ ދުވަހެވެ. މިދިޔަ، ހޯމަ ދުވަހު އާކަމެއް ނުހިނގައެވެ. މުޅިންވެސް އޮންނަނީ އަލަށް ގެނެވުނު މީހުންނާއެކު އަނގަތަޅަން ތިބުމެވެ. ނިދަނީ ވަރަށް ދަންވުމުންނެވެ. ކިޔަވާ ކުދިންނަށް ކިޔަވައިދިނުން ބާއްވަމެވެ. ކެޕްޓަނާއި ނޯބެ ވެސް ކިޔަވައި ދިނުމުގައި އަނެއް ދުވަހުން ފެށިގެން ބައިވެރިވެއްޖެއެވެ.


އަދި ކަސްރަތުކޮށް ދިނުމުގައި އިސްކޮށް ހުންނަގޮތަށް ނޯބެ ބައިވެރިވެއެވެ. މީގެފަހުން އެންމެންނަށް އިސްވެހުރެ ކަސްރަތުކޮށްދެނީ ނޯބެއެވެ. ކިތަންމެ ވަރަކަށް ދަންވުމުން ނިދިޔަސް އަޅުގަނޑު ފަތިސްނަމާދަށް ހޭލަމެވެ. ގުރްއާން ކިޔެވުމަށް ފަހު ބަރާބަރަށް އަމިއްލައަށް ކަސްރަތު ކުރަމެވެ. ދެން ނާޝްތާ އަންނަންދެން ޖަލުގެ ޔައުމިއްޔާ ލިޔަމެވެ. މިހާރު އެކަމަށް ބޮޑުފޮތެއް ޚައްސަކޮށަފައި އޮވެއެވެ.


ޖަލުގެޔައުމިއްލާ ފޮތް
ޖަލުގެޔައުމިއްލާ ފޮތް

ޕްރިސަންސަށް ފޮނުވިސިޓީގެ ޖަވާބު މިއަދުލިބުނެވެ. އެދުނު ހުރިހާކަމެއް ހަމަޖައްސައި ދެއްވާފައި ވެއެވެ. މޫދަށް ނެރެން ހުއްދަ ދެއްވިއެވެ. ކެއުން އިތުރަށް ރަނގަޅުކޮށް ދޭނެވާހަކަ އޮތެވެ. ކާގޭގައި ސިންކެއް ލައިދޭނެ ވާހަކައޮތެވެ. ނަމާދަށް މިސްކިތަށް ދެވޭގޮތަށް ބޭރަށް ނެރެދެވޭނެ ވާހަކައޮތެވެ. ގިނަކަންތައްތައް ދަނީލުއި ވަމުންނެވެ. އެދޭއިރަށް، އެކަމެއް ހަމަޖެހޭނެ ވާހަކަވިދާޅުވެއެވެ.


26 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 399 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު އާކަމެއްނެތެވެ. އާދައިގެމަތިން ހުރިހާ ކަމެއްވެސް ހިނގަމުންދާލެއް ބަރާބަރެވެ. ގެއަށް އަޅުގަނޑު ލިޔުނުސިޓީ ޖަވާހިރުވާދީއަށް ރައްދުކޮށް ނުދީ ޕްރިސަންސްގައި ހިފޭއްޓިފައި ބޭއްވުނުކަމަށް ޖަވާބު ދެއްވި ސިޓީގައި ލިޔެފައިއޮތެވެ.


މިއީ ފުރަތަމަ ފަހަރަށް އަޅުގަނޑު ގެއަށްފޮނުވި ސިޓީއެއް ހިފޭއްޓުނުކަން އެންގިފަހަރެވެ. މިސިޓީގައި ޖަލުގެ ވާހަކަތައް މާގިނައިން ލިޔެވިފައި ހުރީކަމަށް ވެދާނެއެވެ. ބައެއްވާހަކަތައް ސެންސަރު ކުރައްވާ އިސްތަފާއަށް އެންގުމަށްޓަކާ އަޅުގަނޑު ގަސްދުގައި ލިޔެހަދަމެވެ. މިސިޓީގައި އެފަދަ ވާހަކަތައް ގިނަވީކަމުގައި ވެދާނެއެވެ.


ޖަލުގައި ހުންނަތާ 400 ވަނަ ދުވަސް:


27 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 400 ވަނަ ދުވަހެވެ. މިއަދުހެނދުނު އޮފީހުން މީހަކުއައިސް މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށް އަޅުގަނޑަށް އެންގިއެވެ. މެންދުރުކުރިން މާލެގެންގޮސް ވެއްދީކޯޓު ނަންބަރު: 6 އަށެވެ. މިއީ މައްކޮ މުހަންމަދު ޚަލީލުގެ ޝަރީޢަތުގައި އޭނާގެމައްޗަށް އިއްވަން ބޭނުންވާ ހުކުމަށް ހެކިބަސް އެހުމަށް ގެންދިޔަ ގެންދިއުމެކެވެ. ކޯޓުގެ ރަސްމީބައި ނިމުމުން ޕްރިސަންސްގެ ބަހުގައި އަޅުގަނޑާއި މައްކޮއާ ދެމީހުން ގެންދިޔައީ އެކުގައެވެ. މައްކޮގެ ގެކަމުގައިވާ، ގ.އުތުރުގެއަށް މައްކޮބާލާފައި އަޅުގަނޑު ގެނައީ ޕްރިސަންސަށެވެ.


މެންދުރުގެ ވަގުތެއްގައި ޕްރިސަންސް އެތެރެއަށް ވައްދާފައި ޕްރިސަންސްގައި އޮންނަ ހުކުމް ތަންފީޒުކުރުން ނޯޓުކުރާ ބޮޑުފޮތުގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިއީ ހުރިހާހުކުމެއް ލިޔެތަންފީޒުކުރަން ފެށުނުކަން އަންގާސޮއި ކުރުވާ ރަސްމީފޮތެވެ. މިފޮތުގައި އެންމެން ލައްވާވެސް ސޮއިކުރުވާފައި ހުއްޓެވެ. އަޅުގަނޑުލައްވާ ސޮއިކުރުވީ ހަމައެކަނި ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލައިގެ ހުކުމް ތަންފީޒު ވަމުންދާ ބައިގާ އެކަންޏެވެ.


މިހުކުމުގެ މުއްދަތު ހަމަވާކަމަށް މިފޮތުގައި ލިޔެފައިއޮތީ، 12 ޖެނުއަރީ، 1994 ކަމަށެވެ. މުއްދަތު ގުނަންފެށުނު ދުވަހެއް ކަމަށްއޮތީ ޖެނުއަރީ، 12، 1991 އިންފެށިގެން ކަމަށެވެ. ދެން މީގެއިތުރުން އަޅުގަނޑަށް އިއްވާފައިވާ ތިންހުކުމްގެ ވާހަކަވެސް އެފޮތުގައި ލިޔެފައި އޮތެވެ.


އެހެނަސް ސޮއިކުރުވީ މިހާރު ތަންފީޒު ވަމުންދާ ސަލްޓަންޕާކް ކަޓޫރަބޮމުގެ ކަންތަކުގެ ހުކުމުގެ ބައިގާ އެކަންޏެވެ. ހަދާންވާ ގޮތުގައި އަޅުގަނޑު ލައްވާ ބަޔާނުގައި ސޮއިކުރުވީ ޖެނުއަރީ، 10، 1991 ވީ ބުރާސްފަތި ދުވަހުއެވެ. އެއީ މިބުރުގައި ޖަލުގައި ބަންދުވެފައި ހުންނަތާ، 19 ވަނަ ދުވަހެވެ. ތަހުގީގު މުޅިން ނިންމާލި ދުވަސް ކަމަށް ރަސްމީކޮށް ނޯޓުކޮށްފައިވާ ދުވަހެވެ.


ފޮތުގައި މުއްދަތުފެށޭ ދުވަހަކަށް ލިޔެފައިވާ، 12 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެވެ. މުއްދަތުހަމަވާ ދުވަހަކަށް ޖެނުއަރީ، 12، 1994 ކަމަށް ލިޔެފައި އެވަނީ ހުކުރުދުވަސް ނުލާކަމުގައި ވެދާނެއެވެ. ނުވަތަ އަޅުގަނޑުލައްވާ މޯރާތައުފީގު ސޮއިކުރުވިއިރު ތާރީޚުނުޖަހާ ބާއްވާފައި ފަހުން، 12 ވީ ހޮނިހިރު ދުވަހު އެ ބަޔާނުގައި އޭނާ އަމިއްލައަށް ތާރީޚު ޖެއްސެވީ ކަމަށް ވެސް ވެދާނެއެވެ.


މިއުޅެނީ އެންމެ ދުވަހެއްގެ ތަފާތެކެވެ. މާބޮޑު މައްސަލައަކަށް ނުހަދަމެވެ. މިއަދަކީ އަނެއްކާވެސް ޖަލުގައި ސަތޭކަދުވަސް ހަމަވި ދުވަހެވެ. މިކަންފާހަގަކޮށް، ވިސްނާއި ފިކުރުކޮށް ލުމަށް، ވަގުތުކޮޅެއް ހުސްކޮށްލީމެވެ. އެތައްހިރަކު އުޑަށް ބަލަން އެކަނިގޮނޑިއެއްގައި އިނީމެވެ. މިއީ ﷲ ގެ ގުދްރަތާ މެދު ވިސްނާލުމަށް ކުރާކަމެކެވެ!


28 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 401 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ފޮނުވީމެވެ.


29 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 402 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަ ދުވަހެކެވެ.


1 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 405 ވަނަ ދުވަހެވެ. މިދިޔަދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. މަޖަލުގައި ހަމަ ތިބީއެވެ. މިއަދު ހަވީރުގެއިން ކެއުމުގެ ބައެއްސާމާނު ލިބުނެވެ. ތެލުލިރިހާކުރު ފުޅިއެއް މަންމަފޮނުވާފައި އޮތެވެ. ޖޫސްޕެކެޓު ވެސް ހުއްޓެވެ.


2 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް ޖަލުގައި ހުންނަތާ، 406 ވަނަ ދުވަހެވެ. މިއަދުގެއަށް ނޯޓު ސިތީއެއް ފޮނުވީމެވެ.


3 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 407 ވަނަ ދުވަހެވެ. މޫދަށް އެރުމަށް ހުއްދަދެއްވިތާ ދުވަސްގަނޑެއް ވެފައިވުމުން އެކަންތައް މިހާރުއޮތްގޮތް އޮޅުން ފިލުވާލުމަށް އޮފީހުގައި އެދުމުން އެކަން މާލެއާ ގުޅައިގެން ބައްލަވާނެކަމަށް އޮފީހުން މިއަދު ބުންޏެވެ.


4 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 408 ވަނަ ދުވަހެވެ. މިއަދަކީ ގާމާދޫޖަލަށް ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް މޫދަށް ނެރުނު ފުރަތަމަ ދުވަހެވެ. މިކަންހިނގީ އަޅުގަނޑު ލިޔުނުސިޓީ އަކާގުޅިގެން ދެއްވި ހުއްދައެއްގެ ދަށުންނެވެ. އެންގެވީ ކޮންމެ ދުވަހަކު ބައިގަޑިއަރަށް މޫދަށް ނެރެވޭނެ ކަމަށެވެ. ނެރެންޖެހޭ، 9 މީހުން ހަމަވުމުން ނެރެދޭނެ ކަމަށެވެ. ފަހުން ހަމަޖެއްސެވީ ދެދުވަހުން އެއްދުވަހު އެދޭހާ މީހަކުމޫދަށް ނެރެދޭގޮތަށެވެ. މިގޮތުގެ މަތިން މިކަންފެށި ހިނގައި ގެންފިއެވެ. މިއަދުން ފެށިގެން އަނެއްކާވެސް މިހުޅުވުނީ، މުޅިން އާ ދޮރެކެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. ގާމާދޫޖަލުގައި މޫދަށް އެރެވޭގޮތް ހަމަޖެހުނީއެވެ.


5 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 409 ވަނަ ދުވަހެވެ. އަޅުގަނޑު ލިޔުނު ސިޓީއާ ގުޅިގެން މިއަދު ފުރަތަމަ ފަހަރަށް މެންދުރު ކެއުމާއެކު ސެލަޑްލިބެން ފަށައިފިއެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ސަޓަންޏެއް ކެއުމާއެކު ގެންނަން ފަށައިފިއެވެ. އަނެއްކާވެސް އިތުރު ކުރިއެރުމެއް ދެއްވީއެވެ. މަޑުމަޑުން ޖަލުގެ ގޮތްގަނޑު ކެޑެން ފަށައިފިއެވެ.


އަޅުގަނޑު މެންނަކީ މިނިވަނުން ގޮތުގައި ހޭނެން ފަށައިފިއެވެ. ކުށްވެރިންކަމުގެ އިހްސާސްތައް ކެނޑެން ފަށައިފިއެވެ. ޖަލުގައި ބަންދުވެފައި ތިބޭތިބުން، އިހްސާސް ކުރެވޭލެއް މާބޮޑުތަން ކުޑަވާން ފަށައިފިއެވެ. މަޑުމަޑުން އެފަދަ އިހްސާސްތައް ކުރެވޭލެއް މަދުވާން ފަށައިފިއެވެ.


6 ފެބްރުވަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 410 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުސައްޕެގެ އީދުމީލާދީ ދުވަހަށްވާތީ މިރޭ، 8:30 ގައި އެންމެން ވެގެން އެކަންފާހަގަ ކުރުމަށް އުފާވެރިކަމުގެ ހަފްލާއެއް ބޭއްވުނެވެ. މިއީ އަޅުގަނޑު އިސްކޮށް ހުރެގެން ތައްޔާރުކޮށްލި އެއްބައިވަންތަ ކަމުގެޕާޓީއެކެވެ. އެންމެން ވެގެން ސައްޕެއަށް އުފާވެރި އުފަންދުވަހަކަށް ވިޝްކުރެވުނެވެ. ކާންބޭނުންކުރީ އެރޭކެއުމަށް ވެއްދިހުރިހާ ސާމާނެވެ. މީގެފަހުން ކޮންމެ ގައިދީއެއްގެ އުފަންދުވަސް ފާހަގަކުރުން ބާއްވައެވެ.


7 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 411 ވަނަ ދުވަހެވެ. ރޭއިރުއަރަންދެން ތިބީހޭލާއެވެ. އެކިކުޅިވަރު ކުޅުމާ އަނގަތެޅުމުގައި މުޅިރޭ ދުއްވާލީ ސައްޕެގެ އުފަން ދުވަހުގެ މުނާސަބަތުގައި މަޖާނެގުމުގައެވެ.


14 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 418 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހު އާދަޔާޚިލާފު އެއްވެސް ކަމެއް ނުހިނގައެވެ. ގަވައިދުން މޫދަށް ނެރެއެވެ. މޫދުގައި އުޅޭއިރު ރާބުޅާ ހިފައިގެން ރޮލާ ކައި ހަދަމެވެ. ރޮލާމަސް ކާންކެރޭ މީހަކަށް ހުންނަނީ އަޅުގަނޑު އެކަންޏެވެ. އަދި ބައެއްފަހަރު ކުދިމަސް ހިފައިގެން އަޅުގަނޑުމެން ތިބޭބަޔަށް ގެނެސްގެން ދަޅުދަޅުގައި ކައްކާހަދައިގެން ކާއްޓާއެކު ކައިހަދަމެވެ. ކާށިވެސް ހޮވައިގެން ގެނެސް އެތެރެއަށް ވައްދައި ބޮނބިދަރަށް ބޭނުން ކުރަނީއެވެ. މިއީ ވަރަށް މަޖާކެއުމެކެވެ. ކާންކެރެނީ މަދުބަޔަކަށެވެ.


ބައެއް ދުވަސްދުވަހު މަސްނުހިފުނީމާ ވެންފަދަ މޫދުގައި ދިރިއުޅޭ އެހެނިހެން ތަކެތިހިފައިގެން ގެންނަނީއެވެ. ކޮންމެ ވައްތަރެއްގެ އެއްޗެއް ހިފަންލިބުނަސް ގެނެސް ކައްކާލަނީއެވެ. މިބާވަތުގެ ގިނަވަށްތަރުގެމަސް ކާންކެރެނީ އަޅުގަނޑަށެވެ. ވެންމަސް މަޑިމަސް ގާހަކަ ކަހަލަ އެއްޗެހި ގިނައިން ކާން ޖެހެނީ އަޅުގަނޑަށެވެ. ބައެއްދުވަސް ދުވަހު ހިފަންލިބެނީ ހުސް ކަކުންޏަށް ވާތީ، ހިފޭކަކުނިތައް ގެނެސް ފެނުކައްކާލައިގެން ކާލަނީއެވެ.


މިއަދު ހަވީރު، 5:00 ޖެހިއިރު ގާމާދޫޖަލުގައި ގޭމީހުންނާ ބައްދަލުކުރުން، ޖަލުގެ އުނދޯލިގޭ ތެރޭގައި އޮތެވެ. ގެއިން އައިސްތިބީ ދޮންދައްތަ، އިފްހާމް، އިދުހާމް، އިލްމާޢު ކޮއްކޮމެންނެވެ. މިބައްދަލުވުން ހިނގާދިޔަގޮތަކީ އެންމެން އެކުގައި ތިބެގެން ވާހަކަދައްކާލާއި މަޖާކޮށްލާހަދާ ގޮތަށެވެ.


އަޅުގަނޑުމެން ކޮންމެމީހަކު ނެރެނީ ވަކިންނެވެ. އެއެންމެންނާ އެކުގައި ތިބެބައްދަލުވާ ގޮތަށެވެ. އަޅުގަނޑާ ބައްދަލުކޮށް ނިމުމުން ދެންނެރުނީ، އިބުރޭ ޖަވާހިރުވާދީއެވެ. މިދުވަސްވަރު އިބުރޭބަހައްޓާފައި ހުންނަނީ ގާމާދޫގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ހަދާފައިހުންނަ ބޮޑެތިގޮޅިތަކުން ގޮޅިއެއްގައިކަން ފަހުން އެނގުނެވެ. ދޮންދައްތަމެން ގެއިންއައީ ވަރަށް ގިނަ ކާއެއްޗެހި ހިފައިގެންނެވެ.


15 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 419 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު މޫދަށް ނެރުނެވެ. އަޅުގަނޑަކީ ގަވައިދުން މޫދަށް ނުކުންނަ މީހެކެވެ. ވިއްސާރަ ވިއަސް ނުކުންނަމެވެ. އެކަނިމައިއެކަނި ދާންޖެހުނަސް މޫދަށް ދަމެވެ. އެފުރުސަތު ނަގައެއް ނުލަމެވެ.


18 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 422 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިންދިޔަ ދެދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔުނީމެވެ.


19 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 423 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.


20 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 424 ވަނަ ދުވަހެވެ. ޖަލުގެ އާދަތަކުގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނުހިނގައެވެ.


21 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 425 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން، 1412 ޝަޢުބާން، 17 އެވެ. މިއަދު ޕްރިސަންސަށް މާމައާ ބައްދަލުކޮށް ދިނުމަށާއި ޖަވާހިރުވާދީ އިބުރޭ އަޅުގަނޑުމެން ތިބޭބަޔަށް އެއްތާކަށް ގެނެސްދެއްވުން އެދި ސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ކޮޕީއެއް މިހާރުވެސް އޮންނާނެއެވެ.


22 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 426 ވަނަ ދުވަހެވެ. ޖަލުގެ އާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނެތެވެ.


23 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 427 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.


24 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 428 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށްމަޖާ ދުވަހެކެވެ. ބައިގަޑި އިރަށްވުރެ ގިނައިން މޫދުގައި އުޅެވުނެވެ. މޫދުން ކުދިމަސް ހިފީމެވެ. ގިނައިންހުރީ ރާބުޅާއެވެ. މިގޮތަށްހިފާ މަސް ޖަލުތެރެއަށް ވައްދަނީ ލައިގެންހުންނަ ސޯޓުގެ ޖީބުގަޔާއި މޫދަށްދާއިރު ލައިގެންހުންނަ ގަމީސްބާލާއި އޭގެތެރެޔަށްލާ އޮޅާލައިގެންނެވެ. ދެން ޖަލުތެރެއަށް ވަދެވުމުން ދަޅަކަށް އަޅައިގެން ކައްކާލައިގެން ކާއްޓާއެކު ކަނީއެވެ. މިކަމާ އެއްވެސް ހުރަހެއް އަދިއެއް ނޯވެއެވެ. މިކަމުގެ ޝަކުވާ އުފުލާނެ ގައިދީއަކުވެސް ނުހުރެއެވެ. އެހެންވެ މިއީ ގަވައިދުން ކުރިޔަށް ދާކަމެކެވެ.


އަދި މޫދުގައި އުޅޭއިރު ރޮލައި ކުދިމަސް ހިފައިގެން ކައިހަދަމެވެ. ރޮލާކައި އުޅެނީ އަހުރެން އެކަންޏެވެ. ރޮލާއި މޫދުރޯމަސް ކާންދަސްވީ ޖަލުގައި އުޅުނު ދުވަސްވަރުއެވެ. އެހެނަސް އަޅުގަނޑަކީ ރޮލައި އެއްގަމުމަސް ހަމަކަތިލާތަނުން ނަގައިގެން ކައިއުޅުނު މީހެކެވެ. ސައޫދިއަރަބިއްޔާގައި އުޅުނުއިރު ރޮލައި އެއްގަމުމަސް ކާންހުރީ ދަސްވެފައެވެ. އަދި އަވިން ހިއްކައިގެން ރޮލައިހުންނަ އެއްގަމުމަސް ކައިއުޅުނީމެވެ. މޭފަދަތަކެތި ރޮލައިކާއުޅުނީމެވެ. އަދި ގުރުބާނީއަށް ކަތިލާ ޖަނަވާރުތަކުގެ ލޭތަކުގެތެރޭގައި ހުސްފައިތިލާގައި ގިނައިރު އުޅެހަދަމެވެ. މިއީ ބައެއް އަރަބިން ކުރާކަމަކަށް ވާތީ ކުރަންފެށި ކަމެކެވެ.


ސަޢުދީ ޔަންބުޢުގައި ކޭމްޕުދަތުރެއްގައި ބަކަށްޓެއް ނޮޅާލަނީ
ސަޢުދީ ޔަންބުޢުގައި ކޭމްޕުދަތުރެއްގައި ބަކަށްޓެއް ނޮޅާލަނީ

އެއްގަމުރޯމަސް ކާންދަސްވީވެސް އަރަބި ބަދެވީންގެ ފަރާތުންނެވެ. މިކަންތައް ކުރަންފެށީ ދަތުރުގޮސް އުޅޭއިރު އެމީހުންކުރާތަން ފެނިގެންނެވެ. އެހެން މަގްސަދެއް އޮވެގެން ފެށުނުކަމެއް ނޫނެވެ. ޚައްސަކޮށް ކޮންމެ ހައްޖު މޫސުމެއްގައި ގިނައިން މިކަންކުރެވެއެވެ. އެހެންނޫނީ ޔުނިވަރ ސިޓީގެ ފަރާތުން ބައިވެރިވާ ކިޔަވާކުދިންގެ ގޮތުގައި ދާންޖެހޭ ކެޑޭޓު ކޭންޕްތަކުގައި ބައިވެރިވެ އުޅޭއިރު މިއީ ކުރާކަމެކެވެ. އަޅުގަނޑަކީ އެދުވަސްވަރު ޔުނިވަރ ސިޓީގައި އޮންނަ ކެޑޭޓްކޯގެ ލީޑަރެވެ. ދަތުރުތައް ރާވާއި ނަގާކިޔަން ހުންނަނީ އަހުރެންނެވެ. ބައިވަރު ކޭންޕްތަކަށް ދާންޖެހެއެވެ. މިއީ އަސްކަރީތަމްރީނުތަކެވެ. އަދި މިއިން ބުރެއްގައި އަލިފާން ނިވުމުގެ ކޯހެއްވެސް ފުރިހަމަކުރެވުނެވެ. އެއީ ސަޢުދީ ދިފާއީވުޒާރާއިން ހިންގި ތަމްރީނުކޯހެކެވެ. އެސެޓިފިކެޓް އަޅުގަނޑު އަތުގައި މިހާރުވެސް އޮންނާނެއެވެ.


ސަޢުދީދިފާޢީވުޒާރާއިންދިން ސެޓިފިކެޓު
ސަޢުދީދިފާޢީވުޒާރާއިންދިން ސެޓިފިކެޓު

މިފަދަކޭންޕްތަކުގައި ޤާޢިދެއްގެބައި އަދާކުރާތީ، ހުރިހާކުދިންވެސް އެދުވަސްވަރު އަޅުގަނޑަށް މުޚާޠަބްކުރަނީ "ޖެނެރަލްއިލްޔާސް" ގެ ނަމުންނެވެ. އެއިން ކުއްޖަކަށް މިހާރު ފެނުނަސް އަޅުގަނޑަށް ގޮވާލައި ހަދަނީ އެ ނަމުންނެވެ. ރޭގައިކުރި މަސައްކަތަކީ ކާގެތެރޭގައި އަތްދޮންނަ ސިންކެއް ޖަލުއޮފީހުން ތަކެތިދިނުމުން ހަރުކުރުމެވެ. މިކަންކުރީ ސައްޕެ ކިޔައިދިން ގޮތަށް އަޅުގަނޑެވެ. އިރުއެރުމުގެ ކުރިން މައިގަނޑު މަސައްކަތް ނިންމާލެވުނެވެ.


27 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 431 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހަކީ، އެއްވެސް ޚާއްސަކަމެއް ނުހިނގާ ދެ ދުވަހެވެ. އަދި މިއަދަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައި ދެއްވިދުވަހެވެ. އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޭޑިޔޯއިން މިއަދުގެ ރަސްމިއްޔާތު އަޑުއެހީމެވެ. އެތަގްރީރުގައި ރައީސް ވިދާޅުވި އުސްއަލިތަކަކީ މިއެވެ. އަޅުގަނޑުގެ ހަނދާނުގައި ހުރިކަންތައް ނޯޓްކޮއްލީއެވެ.


އިންސާނީ ހައްގުތަކާ ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއްކަމަކަށް ދެއުސޫލު ބޭނުން ކުރެވިގެން ނުވާނެކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އަހްމަދިއްޔާ ސްކޫލަށް ދިހައަހަރު ފުރިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައިސް ވިދާޅުވި ބަސްފުޅެއް މިއަދު ރޭޑިޔޯއިން އިވުނު ވަގުތު ނޯޓްކޮށްލީމެވެ.


ރައީސް މައުމޫނު ވިދާޅުވަނީ މިފަދައިންނެވެ. “ތިމާގެ މަސްއޫލިއްޔަތު އެހެންމީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެއެވެ. ތިމާއަށް ދިމާވާ ބަދުނަސީބެއް ނުވަތަ ދެރައެއް އެއީ އެހެންމީހެއްގެ ސަބަބުން އެމީހަކު ކުރިކަމެއް ކަމަށް ގަބޫލުކޮށް ނިންމައިގެން ނުވާނެއެވެ.” ވީމާ ބައެއް މީހުންނަށް އަނިޔާކުރެވެނީތާއެވެ!!


28 ފެބްރުއަރީ 1992 ވީހުކުރު ދުވަހު، ޖަލުގައި ހުންނަތާ، 432 ވަނަ ދުވަހެވެ. މިއަދު ޖަލުތެރޭގައި ޚާއްސަކަމެއް ނުހިނގައެވެ. އާދައިގެ މަތިން ހަމަ ތިބީއެވެ.


3 މާރަޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 436 ވަނަ ދުވަހެވެ. މިދިޔަތިން ދުވަހުވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދައިގެމަތިން ހަމަތިބީއެވެ. މިއަދު މަންމައާ ބައްދަލުކުރުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. މަންމަ ވަރަށްގިނަ ވާހަކަދެއްކިއެވެ. މާމަގެ ހާލުމިހާރު އަނެއްކާވެސް ރަނގަޅުކަމަށް ބުންޏެވެ. ގެއިން ވަރަށްގިނަ ކާސާމާނު މިއަދު މަންމަ ގެނެސްދިނެވެ. ރޯދަމަސް ކާރިވަމުން އަންނަވާހަކަ ބުންޏެވެ. ދެން ގޭގެ ހުރިހާކަމެއް ވެސް ރަނގަޅުކަމުގައި ބުނެދިނެވެ. މިއަދު ޖަލުތެރެއިން ލިބުނުޚަބަރަކީ އާދަންޒާހިރު ގެއަށް މއ.ވަވަތިއަށް ފެޓްރޯލްފުޅިއެއްގައި ރޯކޮށްފައި އެއްލިގްރޫޕަށް މިއަދުހުކުމް އިއްވިވާހަކައެވެ.


4 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 437 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.


5 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 438 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސްގެ ވެރިއެއް ކަމުގައިވާ، ރަންކޮކާ މުހަންމަދު ރަޝީދު އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މީނާއަކީ އަޅުގަނޑާއެކު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާ ކުރެއްވިއިރު އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސެކެވެ. މިޒިޔާރަތުގައި ރަޝީދު އަޅުގަނޑާ ވަރަށް ގިނައިރު ވާހަކަދެއްކިއެވެ. އަޅުގަނޑާއެކު ވަކިން އިންނަވައިގެން ވަރަށް ގިނައިރު ވާހަކަދެއްކެވިއެވެ. މިންނާއައްތަގެ ސަލާމް ވިދާޅުވިއެވެ. މިއީ މިންއައްތަގެ ފިރިކަލުންނެވެ.


ރޯދަމަސް އަންނަންވާއިރަށް ބައެއްކަންތައްތައް ހަމަޖައްސައިދޭނެ ވާހަކަވިދާޅުވިއެވެ. ކެއުންރަނގަޅު ކޮށްދީ ފިހުނުމަހާއި ދޮންކޭލާއި ހަކުރާއި ބަތްޕެންދޭނެ ވާހަކަ ވިދާޅުވިއެވެ. ރަޝީދު ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑުމެން ތިބޭބަޔަށް ބޮޑުކަޅުހަމެއް ވެއްދިއެވެ. އެހަމުގައި ހަރުކުރާނެ އިސްކުރެއް ވެސް ގެނެސްދިނެވެ. ދެކޮތަޅު ސިމެންތިވެސް ގެނައެވެ. މިއީ ވާރޭވެހޭއިރު ވާރޭފެން ޖަމާކުރުމަށް ގެނެސްދިން ފެންތާނގީއެކެވެ. ތާންގީބެހެއްޓުމަށް ބުޑުއެޅުމާއި ބެހެއްޓުމުގެ ހުރިހާމަސައްކަތެއް ކުރުމަށް ހަވާލުވީ އަޅުގަނޑުމެން ގައިދީން އަމިއްލައަށެވެ.


6 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 439 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ މުލަރޯދަދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދުރޯދަ ވީއްލުމަށް މާބޮޑުބަދަލެއް ނާދެއެވެ. އެހެނަސް ރޯދަވީއްލުމަށް ފުދޭވަރަކަށް ކާތަކެތި ގެނެސްދިނެވެ. ރޯދަވީއްލީ އެންމެން އެކުގައި ކާގޭގައެވެ.


7 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 440 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.


10 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 443 ވަނަ ދުވަހެވެ. މިދިޔަ ދެދުވަސް ދިޔައީ އާދައިގެ މަތިންނެވެ. އާކަމެއް ނުހިނގައެވެ. މިއަދު އަޅުގަނޑު އަތުގައިއޮންނަ ގަޑީގެބެޓެރިގެ ބާރު ހުސްވެގެން ބެޓެރީލައްވައި ދިނުންއެދި ގެއަށް ފޮނުވުމަށް ޕްރިސަންސްއާ ހަވާލުކުރުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު މޫދަށް ނެރުނެވެ. މޫދުގައި އަތުބޯޅަކުޅުން އޮތެވެ.


މިއީ އަތިރިމަތިން ލިބުނުބޯޅައެކެވެ. ސިފައިން ކުދިން ވޮލީކުޅެން ގެންގުޅޭ ބޯޅައެކެވެ. އަޅުގަނޑުމެން ކުޅެލަން ދިނީއެވެ. މިކަހަލަކަންތައް މިހާރަކަށް އައިސް މާބޮޑު ކަންތަކަކަށް ނުވެއެވެ. މިރޭ އިޝާނަމާދަށް ފަހު، ބެއްޔާ (ހުސައިން އަބޫބަކުރު) ސާމާނާއެކު ނެރެގެން ގެންދިޔައެވެ. ހީވަނީ މާލެއަށް ގެންދަނީ ހެންނެވެ. މަޖާކޮށް ދުވަސްތައް ގުނަމުން ހުރެގެން ދަނީއެވެ.


11 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 444 ވަނަ ދުވަހެވެ. ރޭގެނިދީގައި ކެތީރޯޒް މަރީ ހުވަފެނުން ފެނުނެވެ. މަޖާކޮށް ވާހަކަދައްކާލާއި ކައިބޮއިހަދާ މަންޒަރެވެ. އެގޭ ބޭފުޅުންގެ މަންމައާއި ބައްޕަވެސް ފެނުނެވެ. މުޅިމިއަދު، އެކުގައިހެން އެގޭ ހުރިހާކުދިންގެ މަތިން ވަރަށްބޮޑަށް ހަނދާންވިއެވެ. އެގޭގެހުރިހާ ބޭފުޅުންގެ ތެރެއިން މަރީއަކީ އަޅުގަނޑާ ސަމާސާކޮށް ދިމާކޮށް ހައްދަވާ ބޭފުޅެކެވެ. އެހެންވެ އޭނާގެ މަތިން ވަރަށް ބޮޑަށް ހަދާންވިއެވެ.


12 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 445 ވަނަ ދުވަހެވެ. މިއަދު އާކަމެއް ނުހިނގައެވެ.


13 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 446 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާން މަހުން، 8 ވަނަ ދުވަހެވެ. ރޯދަ ވީއްލަން ގެނައީ އޭބީސީ ޕައިންއެޕަލް ޖޫސް ފިނިކޮށްފައާއި ރޮށްޓާއި ރިހައާއި މަސްހުންޏެވެ. އަދިސައި ގެނެސް ދިނެވެ. އާންމުކޮށް ކެއުމުގެ ކަންތައް ރަނގަޅެވެ. ހާރުކާންވެސް ރަނގަޅަށް ގެނެސްދެއެވެ. ދޮންކޭލާއި ހަކުރާއި ފިހުނުމަސް ހުރެއެވެ.


14 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 447 ވަނަ ދުވަހެވެ. ޚައްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.


15 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 448 ވަނަ ދުވަހެވެ. މިރޭމާލެދާން ތައްޔާރުވެގެން ހުރުމަށް ނޯޝާދު ވަހީދު ނޯބެއަށް އެންގިއެވެ. އެހެނަސް ނިދަންވީއިރުވެސް ބަލައެއްނައެވެ. މިރެއަކު ނުގެންދިޔައެވެ. މިއަދު ނޯބެއަށާއި ހަންނާނަށް އެމީހުންގެ ގެއިން ކާނާފޮނުވިއެވެ. ވަރަށް ގިނަދުވަސްކޮށްފައި މިއަދު ވާރޭވެހުނެވެ. މިރޭވަރަށް ބޯކޮށް ވާރޭވެހުނެވެ. މެދުކެނޑުމެއްނެތި ތިރީހަކަށް މިނެޓްވަންދެން ވާރޭވެހުނެވެ.


16 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 449 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނޯބެމާލެ ގެންދިޔައެވެ. ހީވަނީމާލެއަށް އެކުގައި ގެންދިޔައިހެންނެވެ. އޭނައަކީ އަބަދުވެސް އެންމެކުރިން ގެއަށް ގެންދާމިހާއެވެ. ހަދާނުހަދާއެއް ނޭނގެއެވެ. މިއަދު މެންދުރު ކުރިން ނޯބެ މާލެގެންދިޔައެވެ. ހީވާގޮތުގައި އެކުގައި ގެއަށް ބަދަލުކުރީއެވެ.


މާމައާ ބައްދަލުވުމަށް އެދި ޕްރިސަންސަށް ލިޔުނުސިޓީގެ ޖަވާބު މިއަދު ދެއްވިއެވެ. ޖަވާބުގައިއޮތީ، 30 މިނެޓަށް މާލެ ގެންގޮސް މާމައާބައްދަލު ކޮށްދެވޭނެ ކަމަށެވެ. އަދި މިކަން ހަމަޖައްސަވައި ދިނުމަށް މިހާރުވާނީ، މިނިސްޓްރީ އޮފް ޑިފެންސަށް އަންގާފަކަމަށް ލިޔެފައި އޮތެވެ.


އަދި ގާމާދޫ ޖަލުގައިތިބި ޖަވާހިރުވާދީގެ އެހެންކުދިންނަށް ވެސް މާމައާ ބައްދަލުވާން ބޭނުންނަމަ، ޖަލުގެ ވަގުތީ ގަވާއިދުގެ، 26 ވަނަ މާއްދާގައި ވާގޮތުގެމަތިން ޕްރިސަންސް ޑިވިޒަނުގައި ސިޓީއަކުން އެކަމަށްއެދި ދެންނެވުމުން އެކަން ހަމަޖައްސައި ދޭނެކަމަށްވެސް އެސިޓީގައި ލިޔެފައިއޮތެވެ.


އަދި މިއަދު އަޅުގަނޑުމެންނާ އެކު ޖަލުގައިހުރި ރަޣީބު އޭނާގެ އަންހެނުންނާ ބައްދަލުކުރުން ގާމާދޫގައި ހަމަޖެހިފައި އޮތެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. 21 ފެބްރުއަރީގައި ޕްރިސަންސް ޑިވިޒަނަށް ލިޔެފޮނުވިސިޓީ ލިބުނުކަމަށް ޖަވާބުގައި އޮތީ، 8 މާރޗްގައި ކަމަށެވެ. ޖަވާބުގައި ދުވަހެއްކަމަށް ލިޔެފައި އޮތީ، 10 މާރޗެވެ. އެއީ މިއަހަރުގެ ރަމަޟާން މަހުން، 5 ވަނަ ދުވަހެވެ. ސިޓީގެ ނަންބަރަކަށް އޮތީ، 64/ 1992 އެވެ. މިސިޓީ ރައްކާކޮށްފައި އަޅުގަނޑު އަތުގައި އެބައޮތެވެ. ނޯބެއަށް ހެދިގޮތެއް އަދިކަށަވަރެއް ނުވެއެވެ. ރޭމެންދަން ވީއިރުވެސް ނިދާކަށް ނުގެނެއެވެ. ހީވާގޮތުގައި ގެއަށްބަދަލު ކުރީއެވެ.


ނޯބެއަކީ، ޖަލުގައި ހުރިއިރު ވަރަށްފާޑުފާޑުގެ ސިޓީތައް އިސްތޮފާއަށާއި ރައީސް މައުމޫނަށް ލިޔެހެދި މީހެކެވެ. ޚާއްސަ ކުރެހުންތައް ރައީސް މައުމޫނަށް ކުރަހައިދީ ހަދައިދޭ މީހެކެވެ. އަދި ރައީސް މައުމޫނު އެދިވަޑައި ގަންނަވާ އެކިފާޑުގެ ކުރެހުންތައް ކުރަހައިދިން މީހެކެވެ. ފާހަގަވާވަރަށް ސަރުކާރުގެ ބޮޑުންނާއި ވެރިންނާ ގުޅުން ބޮޑުކަން ސާބިތު ކުރެވިފައިވާ މީހެކެވެ. އަދި އެހެން ގައިދީންގެ ބައެއް ޝަކުވާތައްވެސް ވެރިންގެ އަރިހަށް ލިޔެހަދާކަން ފަޅާއަރާފައިވާ މީހެކެވެ.


އަދި މީގެއިތުިރުން ނޯބެގެ އަންހެނުންނަކީ، އެންދެރިމާގޭ އައްބާސް އިބްރާހީމާ، ދުރުތާތިމާގެ އަދި ވަރަށްގާތް ކަމެއް އޮންނަ މީހެއްކަމަށް ޖަލުތެރޭގައި އޮންނަނީ ވަރަށް މަޝްހޫރުވެފައެވެ. އަދި ޔާމީނު އަތުންނާއި ބުރުމާގާސިމު އަތުން އެއްވަރަށް އެކިފާޑުގެ އެހީތައް ބަރާބަރަށް ހޯދާ މީހެކެވެ. މިއެންމެންގާތުގައި އޯކޭމީހަކަށް ވެވޭނީ ގޯސްތަކެއް ހުންނާތީއެވެ. އެހެނުންގެ ސިއްރު ވާހަކަތަކެއް ބަދަލުކުރެވޭތީއެވެ.


17 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 450 ވަނަ ދުވަހެވެ. މިއަދުހެދުނު ގާމާދޫޖަލު އޮފީހުން މީހަކުއައިސް ނޯބެގެ ހުރިހާސާމާނެއް މިބައިން ނެރެގެން ގެންދިޔައެވެ. ނޯބެގެ ކަންތައް މިގޮތަށް މިހިންގީ އޭނާގެއަށް ބަދަލުކުރިކަން އަޅުގަނޑުމެންނަށް ސީދާގޮތަށް ނޭންގުމުގެ ބޭނުމުގައެވެ. އެހެނަސް މިހާ ހިސާބުން ނޯބެގެންދިޔައީ ގެއަށްކަން އަޅުގަނޑު މެންނަށް ޔަގީން ވެއްޖެއެވެ. ކޮންމެ އަކަސް ރަނގަޅުތާއެވެ. އަޅުގަނޑު މެންގެތެރެއިން އެކަކަށް ގެއަށް ދެވުނީތާއެވެ!


18 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 451 ވަނަ ދުވަހެވެ. މިއަދުހަވީރު ވަގުތެއްގައި ރަންކޮކާ ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުބަލަހައްޓާ ޕްރިސަންސް އޮފީހުގެ ވެރިޔަކަށް ހުންނަވާ ކ.ހިންމަފުށީ ނަސީމާއި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަދި ވަގުތުން، 7 ނަންބަރުކޮޓަރި ހުސްކުރަން އެންގިއެވެ. އެކޮޓަރީގައި އޮތް އަސުރުމާގޭ އާދިލް ގެންގޮސްވެއްދީ، ނޯބެ ނުކުމެގެން ހުސްވި، 12 ނަންބަރު ކޮޓަރިއަށެވެ. އަބްދުލް ޣައްފާރު އޮތްތަނުން ނެރެގެން ގެންގޮސްވެއްދީ، 6 ނަންބަރު ކޮޓަރިއަށް ބެއްޔާ އޮތްތަނަށެވެ.


މިއަށްފަހު މިވެރިންމާގިނަ އިރުތަކެއް ވަންދެން ނުތިބެ މިބައިން ނުކުމެ ހިނގައްޖެއެވެ. ޚަބަރު ލިބުނުގޮތުގައި އިއްޔެ ޖަވާހިރުވާދި އިބުރޭމެން ގާމާދޫގައި ތިބޭބޮޑު ގޮޅިއަށް، މައްޗަންގޯޅި ވަވަތި އާދަންޒާރުގެ ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައިއެއްލި ގްރޫޕް ގެނެސް ވައްދައިފިއެވެ. މިގްރޫޕްގައި ހިމެނެނީ، ހަލީމް، ޝިޔާމް، މުސްތަފާ، ވަލީދު، ވާފިރު، އަދި ޒަހީނެވެ. ރިޝްވާން އައްބާސް އަދިވެސް ހުރީ ދޫނިދޫގައި ކަމަށްވެއެވެ. މިއެންމެން މިގެނައީ ހުކުމްއިއްވާ ނިމިގެން ހުކުމް ތަންފީޒު ކުރުމަށެވެ.


19 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 452 ވަނަ ދުވަހެވެ. މިއަދުހެދުނު ޖަލުއޮފީހުން، ނަސީމް ދުރުވެ، އަޅުގަނޑަށް އެންގީ މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އަވަހަށް ފެންވަރާހަދާލި ތަނާހެން މާލަސްތަކެއްނުވެ ބަލާއަތުވެއްޖެއެވެ. ނެރެގެން ދޯންޏަށް ގެންދިޔައިރު، އަބްދުﷲ ހުސައިން ވެސް މާލެ ގެންދިއުމަށް ދޯންޏަށްލާފައި އިނެވެ. މާލެގެންދިޔައީ ވެސް އަދި ޖަލަށް ގެނައީވެސް އަޅުގަނޑުމެން ދެމީހުން އެކުގައެވެ. އަބްދުﷲ މާލެ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަޅުގަނޑު ގެންގުޅުނީ ބޮޑުމުޖްރިމެއްހެން ޑިފެންސްގެ ބެލުމުގެ ދަށުގައެވެ، އަބްދުﷲ ގެންގުޅުނީ ޕްރިސަންސްގެ ހަވާލުގައެވެ.


މާލަސްތަކެއްނުވެ ޑިފެންސް ތެރޭގައި އަޅުގަނޑު ބޭންދުމަށް ފަހު، އަޅުގަނޑު ސިފައިންގެ ބަހަކަށް ލައިގެން ދުއްވާލީ ޖަވާހިރުވާދީއާ ދިމާއަށެވެ. އޯކިޑްމަގަށް އެޅުމުން ގެއަށް ގެންދަނީކަން ޔަގީން ވެއްޖެއެވެ. ގޭދޮށަށް މަޑުކޮށްފައި މިގެނެވުނީ މާމައާ ބައްދަލުކޮށް ލުމަށްކަމަށް އެންގިއެވެ. ކުރިން މިކަހަލަ ޚަބަރުތައްދީ ނުހަދަނީ ފިލުމަށް ރޭވުންތަކެއް ރާވައި ހަދާފާނެތީއެވެ. އަދި އެހެން ބައެއް ކަންތައް ރާވަފާނެތީއެވެ. އަދި ގޭގައި، 40 މިނެޓެވަރު ވާނެކަމަށް އެންގިއެވެ. މާމަފިޔަވާ އެހެންމީހަކާ ވާހަކަ ދައްކައިގެން ނުވާނެކަމަށް އެންގިއެވެ. ބޮޑުމީހަކަށް އިސްކޮށްހުރީ ސިފައިންގޭގައި އުޅުއްވާ ޅަބެއެވެ. މިގްރޫޕްގައި ސިފައިންގޭގައި އުޅުއްވާ އަހަންމާވެސް ހުއްޓެވެ.


މޫސަބޭއޭކިޔާ ވަރަށް މުސްކުޅި މީހަކުވެސް ހުއްޓެވެ. މިބޭބެ ބައެއްފަހަރު މާލޭގައި ހުންނަ މޭނާ ޖަލަށް ކާންދޭން ގެންދާއިރު ގައިދީންނަށް ކާންދިނުމުގައި ހަރަކާތްތެރިވާތަން ފެނިފައިވެއެވެ. ދެން ތިބީ ބަސްޑުރައިވަރާއި އަދި އިތުރު ސިފައިންގެ މީހެކެވެ. މާމަ ވަރަށްބޮޑަށް ބައްޔެވެ. އޮންނެވީ އެނދުގައި އޮށޯވެގެންނެވެ. ގޭތެރެއިން ވަރަށްގިނަ ކުދިންނާ ދިމާވިއެވެ. ގޭގައިވަހީދުބެ ވެސް ހުންނެވިއެވެ. އޭނާ އަޅުގަނޑަށް ވަރަށް ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ބޭރުގައި ކުރެވެންހުރި ހުރިހާމަސައްކަތެއް ބަރާބަރަށް ހިނގަމުންދާކަމަށް ވިދާޅުވިއެވެ.


އަބަދުވެސް ރަނގަޅު މީހަކަށްވުމުގެ ވިސްނުން ގެންގުޅުމަށް ހަދާންކޮށް ދިނެވެ. ސިޔާސީމީހުންނާ ކަންތަކާ ކުރިމަތިވާނެކަން ހަދާންކޮށްދިނެވެ. އަދި އަޒުމްވަރުގަދަކޮށް ހިތްވަރުކުރުމަށާއި ދެން ޖަލުގައި މާގިނަދުވަސްތަކެއް ނުވާނެކަމަށް ބުނެދިނެވެ. މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ބޭރުންނާއި އެތެރެއިން ކުރަމުން ކަމުގައި ވިދާޅުވިއެވެ.


މިފުރުސަތުގައި ތުއްތަ (އިދްހާމް ހުސައިން) އަޅުގަނޑުގެ ތިންފޮޓޯނެގިއެވެ. މާމައާއެކު އެނދުމަތީގައި އިންދެގެންނެވެ. ނީޝާނާއި ޖެފްއާދެކުދިންނާ ވެސް އެކުގައި އެނދުމަތީގައި އިށީނދެ ތިބެގެންނެވެ. މިއީ މާމައާ ބައްދަލުކުރަން ގެނައި ދެވަނަ ފަހަރެވެ. ގެއިން ޚަބަރުދިން ގޮތުގައި ނޯބެވަނީ އޭނާގެ ގެއަށް ބަދަލުކޮށްފައެވެ. އަލީވަހީދު ހަސަން މަނިކު ވެސްވަނީ ގެއަށްބަދަލު ކޮށްފައެވެ. އެންމެ ފުރަތަމަ ގެއަށްބަދަލުވި މީހުންގެތެރޭގައި މިމީހުންހިމެނުނެވެ.


20 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 453 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.


21 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 454 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު އެއްކޮޓަރީގައި އުޅުނު ޅަރީތި އަހްމަދުރަޝީދު މާލެގެންދިއުމަށް ބަލާއައުމުން މާލެއަށް ހޮސްޕިޓަލަށް ނުދާނަމޭބުނެ މާލެދިއުމަށް ދެކޮޅުހެދިއެވެ. ހޮސްޕިޓަލަށް ދާންބޭނުން ނުވާ ކަމަށް ބުނެ ދެކޮޅުހަދާ ލުމުން އެކަންހުއްޓާލާފައި ބަލާއައިމީހާ އެނބުރި ހިނގައްޖެއެވެ. ފަހުން އޭނަބަލައެއް ނާދެއެވެ.


22 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 455 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށް މަޖަލެވެ. މިއަދުކާގެއަށް ބަތްކާބިއްލޫރި ތައްޓާއި ފައިފުހި ލިބުނެވެ. އެދޭވަރަކުން މިކަހަލަ ކަންތައްތައް ގެންދަނީ ކޮށްދެމުންނެވެ. އަޅުގަނޑު ގޭގައި ކާންގެންގުޅޭ ބަތްކާތައްޓާއި އަޅުގަނޑު ގޭގައި ކާންގެންގުޅޭ އޫ ގެއިން ގެނެސްދިނުމަށް އެދުމުން އެކަންކޮށްދޭނެ ކަމަށް އޮފީހުގައި އިންނަވާ ނަސީމް ބުނުއްވިއެވެ.


ރޭގައިފަތިސް ނަމާދަށްފަހު ނިދާފައިއޮއްވާ ހުވަފެނުން ފެންނަނީ، ރައީސް މައުމޫނާބައްދަލު ކުރުމަށް ތީމުގެއަށް ގޮސްއުޅެނި ކޮށެވެ. އެކަމުގައި މެދުވެރިވެ އުޅެދެއްވަނީ ހުދުއަސުރުމާގޭ އާދަމްނައީމެވެ. އެހެނަސް ރައީސް މައުމޫނު އިންނަވާ ކޮޓަރިކޮޅަށް އަރިހަށް ނުވަދެވެނީސް ހޭލެވުނީއެވެ. މިހުވަފެނުގެ ތަޢުބީރު އެކިގޮތްގޮތަށް ވިސްނުމުގައި ގެންގުޅެވުނެވެ. އެންމެބޮޑަށް ބުރަވެވުނީ، ރައީސް މައުމޫނު އަޅުގަނޑާ ބައްދަލުކުރުމަށް ހިތްޕުޅަށް އަރާވަޑައި ގަންނަވަނީ ކަމަށެވެ.


ނުވަތަ ހިތްޕުޅުގައި އެކަންތައް ދައުރުވަނީ ކަމަށެވެ. އެހެނަސް އަދި އެކަށީގެންވާ ވަގުތު ނުޖެހެނީކަމަށެވެ. އަޅުގަނޑުގެ ހިތުތެރޭގައި ގަޑިޖެހުމުން އެކަމަކީ ހިނގާނެކަމެއްކަން މިއަދުންފެށިގެން ޔަގީން ކުރެވުނެވެ. އަދި މިޔަގީންކަން ދުވަހަކަށް ދުވަހެއް ދިޔައީ ހިތުތެރޭގައި އަށަގަންނަމުންނެވެ. އިތުރަށް ތާޒާވަމުންނެވެ. މިއީ ވަރަށް ރަނގަޅު ހުވަފެނެއް ކަމުގައި ހިތުގެއަޑިން ގަބޫލްކުރެވުނެވެ.


23 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 456 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ގެއަށް ދެވިގެންއުޅެނި ކޮށެވެ. އެއުފަލުގައި އުޅޭމަންޒަރެވެ. އަޅުގަނޑާއި ބިގޭއާއި އިބުރޭއާއި އަލީއާ، 4 މީހުން ގޭތެރޭގައި މަންމަމެންނާ އެކު މަޖާކޮށް ވާހަކަދައްކާއި ކައިބޮއި ހަދާތަނެވެ. ބިގޭއާއެކު ސަލާމްކުރީ ބައްދާސަލާމުންނެވެ. މިއީ ޕާކިސްތާނުގައި ސަލާންކުރާ ގޮތެވެ.


މިސަލާމަށް ކިޔަނީ، ބަޣަލްގީރު ކުރުމެވެ. އެހެނަސް ހަންދު އެއްގޮތަކަށް ވެސް ނުފެނެއެވެ. މިއަދު އަލިފާނު މައްސަލައިގެ ނާސިރު ކޯޓް ނަންބަރު، 6 އަށް ގެންދިޔައެވެ. 13 އަހަރުދުވަހަށް ޖަލަށްލުމަށް އޭނާއަށް، ހުކުމް އިއްވިއެވެ. މިއީ އަންދާލުމަށް ވަތް ތަންތަނުން އޭނާ ވައްކަންކޮށްގެން އިއްވުނު ހުކުމެކެވެ. އަދި ޓެރަރިޒަމްގެ ބަޔަށް ވަކިންހުކުމް އިއްވާގޮތަށް ބާއްވާފައި އޮތީއެވެ.


24 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 457 ވަނަ ދުވަހެވެ. މިއަދު މ.މާކޮޅު ވިސާމް މާލެ ގެންދިޔައެވެ. އެނބުރި އައިސް ބުނެދިނީ މާލެގެންދިޔަ ބޭނުމަކީ، ހީރޯގެ މައްސަލައިގާ ހެކިބަސް އެހުމަށް ކޯޓުނަންބަރު، 6 އަށް ގެންދިޔައީ ކަމަށެވެ. މި ދެމީހުންނަކީ ވެސް މާލެތެރޭގައި ރޯކުރިއަލިފާނާ ގުޅޭ މީހުންނެވެ. ބިގޭ އާއި ހަންދު އާއި އަންނިގެ ހާލު ރަނގަޅުކަމަށް ވިސާމުބުންޏެވެ. އަދި އެމީހުންގެ ސަލާމާއި ހެޔޮދުއާ، ވިސާމް ގެނެސްދިނެވެ. ދިމާވީ މާލޭންނެވެ.


25 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 458 ވަނަ ދުވަހެވެ. މިއަދު ގެއިން މަންމަގެ ސިޓީއަކާއި ގެއަށް ބެޓެރީލައްވަން ފޮނުވިގަޑި ބެޓެރީލައްވައިގެން އަނބުރާ އަޅުގަނޑަށް ލިބުނެވެ. އަދި ރަންކޮކާ މުހަންމަދު ރަޝީދު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. އަޅުގަނޑު ވަކިން ދުރަށް ގެންގޮސް ނަސޭހަތުގެ ބަސްކޮޅެކޭ ވިދާޅުވެ ޚާއްސަ ވާހަކައެއް ވިދާޅުވިއެވެ. ރަޝީދަކީ ކުރިން ވެސް އަހުރެންގެ ރަހްމަތްތެރިއެކެވެ. ވަރަށް ގާތްބޭފުޅެކެވެ. މިވާހަކައިގެ ތެރޭގައި މިތާތެރޭގައި އެކަކުއަނެކަކަށް ހަޑިހުތުރުއެއްޗެހި ކިޔާޚަބަރު މިތާތެރެއިން ޕްރިސަންސަށް ލިބިފައިވާ ކަމަށް ބުނެދެއްވިއެވެ.


މިކަން ޕްރިސަންސާ ހަމައަށް އައިސްފައި އޮތީމާ އެވާހަކަ އިލްޔާސް ކައިރީގައި ދަންނަވާލީ ކަމަށް ވިދާޅުވިއެވެ. އަދި މަޖަލަށް ދޫމަތީބަސްތަކެއް ގޮތުގައި ހުތުރު އެއްޗެހި އިލްޔާސް ވެސް ބުނެލާހަދާކަމަށް މިޝަކުވާގައި ވާކަމަށް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރެއިން ގައިދީއަކު މިވާހަކަ ޕްރިސަންންސަށް ބޮޑުކޮށްލައިގެން ލިޔުނީ ހެންނެވެ. އަޅުގަނޑުގެ ޝަކުވާކުރީއެވެ! އެހެންވެ ރަޝީދު ވަޑައިގެން އެވާހަކަ ސީދާއަޅުގަނޑާ ދައްކާލެއްވީ ކަމަށެވެ. އެއްވެސް ޚިޔާލެއްނެތި ދޫމައްޗަށް އަންނަބައެއް ހުތުރު ބަސްތައް އާންމުކޮށް މިތާތެރޭގައި ބޭނުންކޮށް އުޅެއެވެ.


އަޅުގަނޑަކީ ވެސް މަޖަލުގައި އުޅޭއިރު ކުއްލިއަކަށް އެފަދަބަސްތައް ދުލުން ބުނެލާ ހަދާ މީހެކެވެ. މަޖަލަށެވެ. އެއްވެސް މާނައެއް ނެތިއެވެ. އެކަމާ އެންމެބޮޑަށް އަޅައިގަނެގެން އަބަދުވެސް ވާހަކަދައްކާ ބޭފުޅަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވަނީ، އަބްދުލް ހަންނާން ހެރިންސް އެވެ. ރަޝީދުގެ ވާހަކަފުޅުން ލަފާކުރެވެނީ އަބްދުލްހަންނާން އިސްތަފާއަށް އެޑްރެސްކޮށް އަޅުގަނޑުގެ ނަންލައިގެން ޝަކްވާގެ ސިޓީއެއް ފޮނުވީ ކަމަށެވެ. މިއިން އެނގުނު އެއްޗަކީ އަބްދުލް ހަންނާނަކީވެސް އިސްތަފާއަށް ޝަކުވާސިޓީ ލިޔާމީހެއްކަމެވެ. ފަހުން ސާފުވިގޮތުގައި މި ޝަކުވާކުރީ ހެރިންސް ހައްނާނެވެ!؟


މިއަދު ހެނދުނު، 9:00 މިނެޓްގައި، 21 ބަޑީގެ ސަލާމާއެކު ކޯއްޓޭ މައިދާނުގައި ބޮޑުދަނޑިއެއް ޖެހުމަށްފަހު ގައުމީދިދަ، ރައީސް މައުމޫނު ނަންގަވައި ދެއްވިޚަބަރު ރޭޑިޔޯއިން ލިބުނެވެ. ރައީސްމައުމޫނު ދިދަނަންގަވައި ދެއްވިދަނޑީގައި އުސްމިނުގައި ސަތޭކަފޫޓު ހުންނަކަމަށާއި ނަންގަވައިދެއްވި ދިދައިގާ، 20 ފޫޓު 30 ފޫޓު ހުންނާނެ ކަމަށްވެއެވެ. އަދި މިއަދު ކެޕްޓަން މުއާޒުގޭގެ މީހުން ޖަލަށް އައިސް އޭނަޔާ ބައްދަލު ކުރުންއޮތެވެ. މިއަދު ޖަލުއޮފީހުން އައިސް މިތާތެރޭގައި ހުސްކޮށްހުރި، 7 ނަންބަރުކޮޓަރި ތަޅުލައިފިއެވެ.


26 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 459 ވަނަ ދުވަހެވެ. މިއަދު މިތަނަށް ސިފައިންގެ ފަރާތުން ވެންނެވި، ނާޒިމްކައިރިން އެހުމަށް ފަހު، ޖަލުންބޭރުގައި މިތަނާވަރަށް ކައިރީގައި ހުރި ކަށިކެޔޮގަހަކުން ކަށިކެޔޮގަނޑެއް ކެނޑީމެވެ. ކަށިކެޔޮ ކާ ހިތުންނެވެ. މިކަންކޮށްދިނީ ފާޒިރެވެ. ފާޒިރުގަޔަށް އެ ގަހުން ކުޅަދުރު ކަށިޖެއްސެވެ. މުޅިމޫނު ދުޅަކޮށްލިއެވެ. އެހެނަސް އޭނާފޭބީ އެކަން ކާމިޔާބުކޮށް ކަށިކެޔޮގަނޑު ކަނޑާވައްޓާލާފައެވެ.


27 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 460 ވަނަ ދުވަހެވެ. މިއަދު އާދިލް ގޭގެ މީހުން އާދިލާ ބައްދަލުވުމަށް ގާމާދޫޖަލަށް ޒިޔާރަތް ކުރިއެވެ. ރޭގައި ހޭލާތިބެގެން ވަރަށްގިނައިރު ވަންދެން ސިންކު ބެހެއްޓުމުގެ މަސައްކަތްކޮށް ވަޅުލަންޖެހޭ މަކުޑީގެ ދެލަކުޑިގަނޑު ފާރުގައިވަޅުލާއި ފެންވައިރުކޮށް ވޭސްޓްޕްލަގް ގުޅައި ހުރިހާކަމެއް ނިންމާލެވުނެވެ. އިރިއޮއްސުނު ވަގުތާދިމާކޮށް އިސްތަފާއާއި ރަންކޮކާ ރަޝީދު ޖަލުބައްލަވާ ލައްވަން ވަޑައިގެންނެވި ޚަބަރުލިބުނެވެ. މިތާތެރެއަށް ނުވަންނަވައެވެ. ބޭރުބޭރުން ބައްލަވާލައްވާފައި ވަޑައިގެންނެވީއެވެ. ހީވަނީ ބަދަލެއް ގެންނަވަންވެގެން ބައްލަވާލެއްވީ ހެންނެވެ.


28 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 461 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާންމަހުން، 23 ވަނަ ދުވަހެވެ. ރޯދަމަސް އޮވެގެން ނިމިގެން ދަނީއެވެ. މިއަދު ޕްރިސަންސަށް ދެސިޓީއެއް ލިޔުނީމެވެ. އެއްސިޓިއަކީ ގެއިން އަޅުގަނޑު ކާންގެންގުޅޭ ބަތްކާތައްޓާއި ކާންގެންގުޅޭއުލާއި މަގެއް ޖަލަށް ގެނެސްދެއްވާތޯއެވެ. ކުރީދުވަހެއްގައި މިވާހަކަދަންނަވާ ލުމުން އޮތީ ސިޓީއެއް ލުމަށް ވިދާޅުވެފައެވެ. އަނެއް ސިޓީއަކީ، އިބުރޭއާއި މުއީދާއި އަޒްމީލާއި އަބްދުﷲ ހުސައިން، މި ހަތަރުމީހުންނާ ޖަލުގައި ބައްދަލުކޮށް ދެއްވާތޯ އެދި ލިޔުނުސިޓީއެކެވެ.


އަދި ގެއަށް ފޮނުވިސިޓީ ތެރޭގައި ވަކިންމަންމައަށް އެޑްރެސްކޮށް ސިޓީއެއް ލިޔުނީމެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް މަންމައަށް ނަންގަތީމެވެ. މަންމައާ ދުރުގައި ބަންދު ޖަލެއްގެ އަނދިރީގައި އަޅުގަނޑުމެން ހުރިހާކުދިން ތިއްބަސް އަބަދުވެސް މިތިބެނީ މަންމަގެ ގާތުގައި ކަމުގައި ދެކޭށެވެ. މިހެން ލިޔުނީމެވެ. އަބަދުވެސް މަންމަގެ ލޯތްބާއިކުލުނު ލިބެމުންދާކަން ކަށަވަރެވެ. ލޮބުވެތި މަންމަގެ ދުއާތައް އަބަދުވެސް އަޅުގަނޑުމެންގެ ރޫހުގައި ވެއެވެ. ނުފެންނަ ހިސާބުގައި އަޅުގަނޑުމެން ބަންދުކޮށްފައި ތިއްބަސް، ލޮބުވެތި މަންމައާއި އަޅުގަނޑު މެންނާވަނީ ރޫހާނީގޮތުން ގުޅިފައެވެ. ﷲ މެދުވެހިކޮށް ރޫހާނީގޮތުން މިތިބެނީ އަބަދުވެސް ހެޔޮދުޢާއިން ގުޅިފައެވެ.


މަންމަވެސް އަޅުގަނޑުމެންނަށް ވީހާއަވަހަށް ރަނގަޅު ގޮތެއްވޭތޯ، ﷲއަށް އިތުރަށް ދަންނަވަމުން ގެންދަވާށެވެ. އަޅުގަނޑު މެންވެސް މިތިބެނީ އަބަދުވެސް ދުޢާމަތީގައެވެ. ގަވާއިދުން ބަރާބަރަށް ނަމާދު ކުރަމެވެ. މާމަ ރަނގަޅަށް ބަލާށެވެ. މާމައަށް ވެސް ދުއާކުރަމެވެ. މި އަނިޔާވެރި ސަރުކާރުން، ޖަލަށް ނުގެނެސް ގޭގައި ތިބި ކުޑަކުދިން ރަނގަޅަށް އޯގާތެރިކަމާއެކު ބަލާށެވެ. އަޅުގަނޑުމެން އެންމެންނަކީ ލޮބުވެތި މަންމަގެ އުންމީދުތަކެވެ.


އަޅުގަނޑުމެން މަންމަގާތުގައި ނެތުމުން އޭގެތެރެއިން ކުއްޖަކަށާއި މާމައަށް އުނިކަމެއް އަޔަނުދެއްވާށެވެ. ހިތްވަރުގަދަ ކުރައްވާށެވެ. އެއްގޮތަކަށް ވެސް މާޔޫސްވެ ނުލައްވާށެވެ. މިސަރުކާރުގެ އަނިޔާވެރި އަނދިރި ނާމާންޖަލުތަކުގައި މިތިބީ، މަންމަގެ ހެޔޮދުޢާތަކުގެ ދަށުން މުޅިން ހެޔޮހާލުގައި ފުރިހަމަ ސިއްހަތެއްގައި ސަލާމަތުންނެވެ. ލޮބުވެތިމަންމާއެވެ! މަންމައަށް އަޅުގަނޑުމެން ނުފެނުނަސް އަބަދުވެސް މިތިބެނީ މަންމަގެ ކުލުނާއި އަޅާލުމުގެ މަތިންހަދާން ކޮށްކޮށެވެ. މަންމައަށްކުރާނެ އަސަރުތައް ހިތުގެއަޑިން އިހްސާސް ކުރެވޭތީއެވެ.


އަޅުގަނޑުމެން ސަލާމަތްކުރުމަށް ރައީސް މައުމޫނު އަރިހަށް ސަލާންޖެހުމަށް، އަދި އެހެން ބޮޑުންގެ މީހެއްގެ އަރިހަށް އެއްވެސްކަހަލަ މަދަދަކަށް އެދި ދާނެކަމެއް ނެތެވެ. ﷲގެ ހެޔޮ ރަހްމަތުން އަޅުގަނޑުމެން މިނިވަންވެގެން މަންމަގާތަށް އުފަލުން ފޮޅިގެންވާހާލުގައި އަންނާނަމެވެ.


މިކަންކޮށް ދެއްވާނީ، ﷲގެ ރަހްމަތުން، ހަމަ ރައީސް މައުމޫނެވެ. އަޅުގަނޑުގެ މިވާހަކަތައް ލޮބުވެތި މަންމައަށް މިބީދައިން ލިޔުނީ އިސްތަފާ އިބްރާހީމް މަނިކު މިސިޓީތައް ކިޔާނެތީ އޭނާލައްވާ ތަކުރާރުކޮށް އަޅުގަނޑު މެންގެ ހިތުގެ އަޑީގެ އަސަރުތައް މިސިޓީތައް މެދުވެރިކޮށް ކިޔުވާށެވެ. އަސަރެއް ކުރޭތޯއެވެ!


ލޯބިވާދަރިއަކު އޭނާގެލޮބުވެތި މަންމައަކަށް ހިތުގެއެންމެ ފުންމިނުން އަސަރާއެކު ލިޔާސިޓީ ތަކުގައި އިންސާނަކަށް ވިއްޔާ، އަސަރުކުރާނެ ވާހަކަތައް ލިޔެވިފައި ހުންނެތީއެވެ. ރީތިކޮށްލިޔެފައި މިދެސިޓީ ވެސް ޖަލުބަލަހައްޓާ އޮފީހުގައި އިސްކޮށް އުޅުއްވާ ނަސީމާ މިއަދު ހަވާލު ކޮށްނިންމީމެވެ.


29 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 462 ވަނަ ދުވަހެވެ. މިރޭވެސް ސިންކުގެ މަސައްކަތް ކުރުންބޭއްވީމެވެ. އިސްކޮށް މިމަސައްކަތުގައި އުޅެނީ ސީދާ އަޅުގަނޑެވެ. ތަށިމުށިޖަހާއި ހުދުސިމެންތިއަޅާ މުޅިން ނިންމާލެވުނީ ފަތިހު ހަތަރެއް ޖެހިފަނުންނެވެ. ސިންކުގެ މަސައްކަތް އެކުގައި ނިމުނީއެވެ.


މިއަދު މޫދަށް ނެރުނެވެ. ރޯދަމަސްވީމާ މޫދަށްދިއުމަށް ނުކުންނަ ކުދިން ވަރަށްމަދެވެ. އެހެނަސް ނެރޭކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ މޫދަށްދިއުމަށް އިސްނަގައި ނުކުންނަނީ އަޅުގަނޑެވެ. މިއަދު އަޅުގަނޑާއެކު މޫދަށްދާން ނުކުތީ ނާސިރު އެކަންޏެވެ.


30 މާރޗް 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 463 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާހުވަފެނުން ފެންނަނީ، ޖަވާހިރުވާދީ، އިންޑިޔާ އެމްބަސީއަކަށް ހަދައިގެން އުޅެނިކޮށެވެ. ވަރަށްރީތިކޮށް މިމަންޒަރު ފެނުނެވެ. ޖަވާހިރުވާދީގައި އިންޑިޔާގެ ދިދަނަގާފައި ހުއްޓައެވެ. ފަތިހުހޭލައިގެން މިކަމާވިސްނާލާއި ފިކުރުކޮށް، މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ޚުލާސާކޮށް ނިންމީ، އިންޑިޔާ އެމްބަސީން އަޅުގަނޑުމެންގެ ބަންދާ ބެހޭގޮތުން ވިސްނުންތަކެއް ގެންގުޅެނީ ކަމަށެވެ.


އަދި އަޅުގަނޑުމެންނާ ބެހޭގޮތުން މައުލޫމާތުތައް ހޯދަނީކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން ސަލާމަތްވުމަށް އިތުރު ދޮރެއްހުޅުވި އިތުރުބާރަކަށް ވާނެކަމަށް ނިންމީމެވެ. މިބުރަށް ބަންދުވުމުގެ ކުރިން އެއްފަހަރަކު ޖަލުންގެއަށް ގެނެސްފައި ހުއްޓާ، އިންޑިޔާ އެމްބަސީގައި އެދުވަސްވަރު މަސައްކަތްކުރެއްވި ޝަރްމާއޭ ކިޔާބޭފުޅަކު އިއުލާނުހުރީމާ ޖަވާހިރުވާދީއަށް ނުވަންނަވަންވެގެން ޖަވާހިރުވާދީ ތެރެއިން އޭރުވަދެވޭ ގޮތަށްހަދާފައި ހުރި ފިހާރަ ތެރޭގައި ހުންނަވައިގެން އަޅުގަނޑައި ބައްދަލުކޮށްފައި ވެއެވެ.


މިކަމުގައި މެދުވެރިއަކަށް ވަނީ، އަޅުގަނޑުމެންގޭގައި ހުންނަގަރާޖުގައި މަސައްކަތް ކުރުމަށްއުޅޭ އިންޑިއާގެ ޓެކްނީޝަނަކާއި ޑްރައިވަރެކެވެ. މިއީ ކުޑަވަރެއްހެ ސިޔާސީ ބައްދަލު ވުމެކެވެ.


31 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 464 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.


1 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 465 ވަނަ ދުވަހެވެ. މިއަދު ސައްޕެގެ ދައްތަ ސަލްވާ ގާމާދޫޖަލުގައި ސައްޕެއާ ބައްދަލު ކުރިއެވެ. އަދި މިއަދު ސައްޕެއާއި ހަންނާނަށް އެމީހުންގެ ގެއިންކާނާ ފޮނުވިއެވެ.


2 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 466 ވަނަ ދުވަހެވެ. ރޯދަމަސް އިހްޔާކުރުމުގެ ޖަލްސާއެއްގައި ރޭގައި ރައީސް މައުމޫނު އިސްލާމްދީނުގައި ތަގްވާއާއި އިހްސާން ތެރިކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މިތަގްރީރު އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޯޑިޔޯ މެދުވެރިކޮށް އަޑުއެހީމެވެ. މިއަހަރުގެ އެރަސްމިއްޔާތު ނިންމާލެއްވި ރެއަކީމިރެއެވެ. ރޯދަމަސް ނިމުމަކަށް އަންނަނީއެވެ.


3 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 467 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ، 29 ވަނަ ދުވަހެވެ. މާދަމާވެގެންދާނީ އުފާވެރިކުޑަޢީދު ދުވަހަށެވެ.


4 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 468 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ފިތުރުޢީދުދުވަހެވެ. ހިޖްރީ ސަނަތުން، 1412 ވަނަ އަހަރެވެ. އަބްދުލް ހަންނާނަށާއި ކެޕްޓަން މުއާޒަށާއި ސައްޕެއަށް އެމީހުންގެ ގެއިން ކާނާ ފޮނުވިއެވެ. މިއީ ޖަލުގައި ހޭދަކުރާ ދެވަނަ ފިތުރުޢީދެވެ. ފުރަތަމަ ފިތުރުޢީދު ދިޔައީ ދޫނިދޫޖަލުގެ ކުޑަގޮޅީގެ ވަޙްޝީއަނދިރި ކަންމަތީގައި ތިއްބައެވެ.


މިއަދުގެ އުފަލުގައި ކުރެވުނު ޚިޔާލުތަކުގެ ތެރޭގައި ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުމުން، އެސިޓީގެ އިބާރާތްތައް ހިތުރެރޭގައި އަތުރާލީމެވެ. ނިންމާލަމުން މިއީކުށްތަކެއް ކަމުގައި ދައުލަތުން ބައްލަވާފައި ވާތީ، މިކުށްތަކަށް މައާފުކޮށް ދެއްވުމަށް އެދެން ނިންމީމެވެ. މިއީ މިއިބާރާތުން ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުނު ފުރަތަމަ ފަހަރެވެ.


ދުނިޔޭގައި ހުރިހާދުވަހަކު، 6 ރޯދަ ހިފުމަށް ނިޔަތްގަތުން:


5 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 469 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދައިގެ ފުރަތަމަ ދުވަހެވެ. މިއަދުގެ ރޯދައަށް މިރޭ ނިދުމުގެ ކުރިން ހާރުކައިގެން ނިޔަތްގަތްއިރު ކުރިޔަށް އޮތްތާގައި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރޯދަމަހެއްގެ ފަހުން ހަރޯދަހިފުމަށް ނިޔަތްގަނެ އެކަންކުރުމުގެ ހިތްވަރު ދެއްވުންއެދި، ﷲއަށް ދުއާކުރީމެވެ.


އަދި ކުރިޔަށް އޮތްއަހަރު ތަކުގައި ކޮންމެއަހަރެއްގެ ހަރޯދަހިފުމަށް އަޒުމް ކަނޑައެޅީމެވެ. މިގޮތުގެމަތިން ޖަލުންފެށިގެން ދާއިމީކޮށް ކުރަންފެށުނު އަޅުކަމަކީ ހަރޯދަހިފުމެވެ. ﷲގެ އިރާދަކުރެއްވުމާއެކު މުޅިއުމުރަށް މި އަޅުކަން ކުރުމުގައި ދެމިހުރުމަށް ނިންމީމެވެ. މިއަދު މޫދަށް ދިޔައީ އަޅުގަނޑާއި ވިސާމާއި ޅަރީތި އަހްމަދު އެކަންޏެވެ.


6 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 470 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ޝައްވާލުމަހުން، 3 ވަނަ ދުވަހެވެ. ހުރީރޯދައަށެވެ. މިރޭ، 12:30 ގައި ޖަލު ބަލަހައްޓަވަން ހުންނަވާ ނަސީމް މިތާތެރެއަށް ވެންނެވިއެވެ. ވިދާޅުވީ، އަޅުގަނޑާއެކު ވާހަކަދައްކާލާ ހިތުން ވަޑައިގެންނެވީ ކަމަށެވެ. ފުރަތަމަދިމާވީ ވެސް އަޅުގަނޑާއެވެ. ނަސީމަކީ މިހާރު އަހުރެންގެ ދޯސްތެކެވެ.


އެންމެގިނަވާހަކަ ދެއްކީވެސް އަޅުގަނޑާއެވެ. އޭނާވަނީ އަޅުގަނޑުގެ ގާތްރަށްޓެއްސަކަށް ބަދަލުވެފައެވެ. މޫދަށްދާން ބޭނުންވާ އެންމެން އެކުގައި މޫދަށް ނެރެދޭން އެއްބަސް ވެލެއްވިއެވެ. މިގޮތަށް ހަމަޖައްސައިދޭން އަޅުގަނޑު އެދުނީ، ބޮޑަށް މަޖާވާނީ މިގޮތަށް އޮތުމުންކަމަށް ވާތީއެވެ. އަދި އެންމެން އުކުގައި ނުކުމެ ވޮލީނަމަވެސް ކުޅިވަރެއް ކުޅެލާން ހުއްދައަކަށް ވެސް އެދުނީމެވެ. މިކަންވެސް ކޮށްދެއްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.


7 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 471 ވަނަ ދުވަހެވެ. މިއަދަކީ ޝައްވާލުމަހުން، 4 ވަނަ ދުވަހެވެ. ހަރޯދައިން ތިންވަނަ ރޯދަދުވަހެވެ. މިއަދު ރައީސް މައުމޫނުގެ އަތްޕުޅަށް ޖަހާފައި ރިޔާސީގަނޑުވަރު ތީމުގެއަށް އެޑްރެސްކޮށް ސިޓީއެއްލިޔެ ޖަލުއޮފީހައި ހަވާލުކުރީމެވެ. މިސިޓީހަވާލުކުރީ އޮފީހުގައި އިސްކޮށް ހުންނަވާ ނަސީމާއެވެ. މިއަދު މޫދަށް ގެންދިޔައެވެ. އޮތީހުޅުވިފައެވެ. ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭ ގޮތަށެވެ.


އެހެނަސް މޫދަށް ދިޔައީ އަޅުގަނޑާއި ނާސިރާއި ޅަރީތިރަޝީދާއި ވިންޓަރާ، މިހަތަރުމީހުން އެކަންޏެވެ. މިއަދުލިބުނު ޚަބަރެއްބުނާ ގޮތުގައި އަންނިއާއި ހަންދުއާއި ބިގޭއަށް އަދިހުކުމް ނީއްވައެވެ. އެހެނަސް މިހާރުބާކީ އޮތީ ހުކުމްއިއްވުން އެކަންޏެވެ. ޝަރީޢަތުގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މިއަދު ސައްޕެ މާލެ ގެންދިޔައެވެ. އަންނިގެ މައްޗަށް ކުރާދައުވާގެ ހެކިބަހެއްގެ ބަޔާނުގައި ސޮއިކުރުވާށެވެ.


8 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 472 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ގަހޭއާއި އޮފީހުން ކާތިބަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މަހަކު އެއްފަހަރު ޖަވާހިރުވާދީ އިބުރޭއާ، ބައްދަލުވެވޭގޮތަށް ހަމަޖައްސައި ދެއްވިއެވެ. އިބުރޭ އަދިވެސް ހުންނަނީ، ގާމާދޫގެ ޖަލުގައި ހުންނަބޮޑެތި ގޮޅިތަކުން ގޮޅިއެއްގައެވެ. ރަޝީދު ވިދާޅުވީ، މިކަންތައް މިހާރުވާނީ އޮފީހުގައި ހުންނަވާ ނަސީމަށް ކުރިޔަށް ގެންގޮސްދެއްވުމަށް އަންގާފައެވެ.


ގެއިންބޭނުންވާ ބައެއްތަކެތި ޖަލަށް ގެނައުމުގެ ހުއްދަ ދެއްވިދާނެކަމަށް ވެސް ރަޝީދުވިދާޅުވެ ދެއްވިއެވެ. ރަޝީދު ޖަވާހިރުވާދީއަށް ފޯނުކޮށް ލެއްވުމުން ގެއިން، އިލްހާމް (ދޮންދައްތަ) ފުރައިގެން ދިޔަވާހަކަ ބުނިކަމަށް ވިދާޅުވެ ޚަބަރު ދެއްވިއެވެ. އަދި މިއަދު ގެއިން، ސިޓީއެއް ވެސް ފޮނުވާފައި ޕްރިސަންސްގައި އެބައޮތް ކަމަށް ވިދާޅުވެ ދެއްވިއެވެ. މާދަމާ ނުވަތަ އަނެއްދުވަހު އަޅުގަނޑަށް ފޮނުވާލަ ދެއްވާނެކަމަށް ރަޝީދު ވިދާޅުވެ ދެއްވިއެވެ.


ގެއިން ސައިބޯނެމަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކާންގެންގުޅޭ ޚާއްސައޫ، ޖަލަށް ގެނެވޭގޮތަށް ހަމަޖެހިއްޖެ ވާހަކަވެސް ވިދާޅުވެ ދެއްވިއެވެ. އަދި ރައީސް އަރިހަށް އަޅުގަނޑު ފޮނުވި ސިޓީ އެ އޮތްގޮތަށް އެހެން ސިޓީއުރައަކަށްލާފައި ރައީސް މައުމޫނު އަރިހަށް ފޮނުވައި ދެއްވިވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. މިއަދު އިރުއޮއްސި ނުވައެއްޖަހާ އެހާކަންހާއިރު، ޖަލުއޮފީހުން މީހަކުއައިސް މަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކެއުމަށްގޭގައި ބޭނުންކުރަމުން ގެންދާއޫ ގެނެސް އަޅުގަނޑާ ހަވާލުކުރިއެވެ. މިއަދު ވަރަށްގިނަ ކަންތައްތައް ހަމަޖެހި ގެއިންބައެއް ސާމާނުލިބުމުން ވަރަށް އުފާވި ދުވަހެކެވެ.


9 އޭޕްރިލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 473 ވަނަ ދުވަހެވެ. މައަދު މެންދުރެއްހާއިރު އޮފީހުން މީހަކުއައިސް އަޅުގަނޑު އަތުގައި ގެއިންފޮނުވާފައިވާ ރޭޑިޔޯއެއް އޮވޭތޯސުވާލު ކުރިއެވެ. ނޯވޭދެންނެވުމުން އެންމެރަނގަޅޭ ކިޔާފައި އޭނާހިގައްޖެއެވެ. ދެން ވަކިޚަބަރެއް ނުވެއެވެ. ހީވަނީ ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަދެއްވަން އުޅުއްވަނީ ހެންނެވެ. މިކަންތައް ވެސް ކޮށްދެއްވާނެކަމަށް ރަންކޮކާ ރަޝީދުވަނީ ވިދާޅުވެފައެވެ.


10 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 474 ވަނަ ދުވަހެވެ. ވިންޓަރު ޝަރީފު އެދިގެން އޭނާގެ ނިމިފައިވާ ދެމައްސަލަ ހައިކޯޓަށް ލުމަށްބޭނުންވާ ފޯމްތައް މިއަދުއޭނާއަށް ލިބުނެވެ. އަދި ދަށުކޯޓުން ނިމިފައިވާ އޭނާގެމައްސަލަ ނިމުނުގޮތުގެ ރިޕޯޓުވެސް މިއަދު އޭނާއަށް ލިބުނެވެ. އަޅުގަނޑު މެންގެތެރެއިން އެހެން އެއްވެސްމީހަކު ހައިކޯޓަށް ދާކަށްބޭނުމެއް ނުވެއެވެ. ހުކުމަށް ބަދަލެއް އަންނާނެކަމަށް ނުފެންނާނެތީއެވެ.


ރާއްޖޭގެ ސްޕްރީމްކޯޓަކީ ރައީސް މައުމޫނެވެ. އެންމެމަތީބާރު އޮތީ ރައީސް މައުމޫނުގެ އަތްޕުޅުގެ ތެރޭގައިކަމުން ހުރިހާކަމެއް ނިމޭނީދަށު ކޯޓުންނިންމާ ގޮތަށްކަން ޔަގީންކުރެވެއެވެ. ދަށުކޯޓުތަކުން ވެސް ބަރާބަރަށް ރައީސްއޮފީހުގެ ލަފާ، ސިޓީލިޔެގެން ހޯދާހަދައެވެ. މިއީ ވިންޓަރު މޮޔަ ކަމުން ކުރާ ކަމެއްކަމުގައި އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެ ވެއެވެ.


އެހެނަސް ވިންޓަރުގެ މިމަސައްކަތުން، ސަރުކާރަށް އުނދަގޫތަކެއް ވާނެއެވެ. އަދި ބޭރުދުނިޔެއަށް މިވާހަކަތައް އިތުރަށް ފެތުރޭނެއެވެ. އެގޮތުން މިއީ ކުރަން ރަނގަޅު ކަމެކެވެ. މިއަދަކީ ޝައްވާލުމަހުން، 7 ވަނަ ދުވަހެވެ. 6 ރޯދަހިފާނިމޭ ދުވަހެވެ. މާދަމާއަކީ ހަރޯދައީދު ދުވަހެވެ.


11 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 475 ވަނަ ދުވަހެވެ. މާލެތެރޭގެ އަލިފާނުގެ މައްސަލާގައި ބަންދުގައި ހުރި އަޒީ މާލެ ގެންގޮސް ސިފައިންގޭގައި ބައިންދަ ބައިންދާފައި ނާސިރާ އެކު މިއަދު ގެނައެވެ. ޚަބަރުލިބުނީ، އަނެއްކާވެސް އެންދެރިމާގޭ އައްބާސް އިބްރާހީމާ ބެހޭވާހަކަ ތަކެއް ދައްކައިގެން އެކަންތަކާ ސުވާލުކުރުމަށް މާލެ ގެންދިޔައި ކަމަށެވެ.


އަޒީބުނަނީ، މާލެތެރޭގައި އަލިފާން ރޯކުރުމުގެ ކަންތައްގަޑަކީ، ކަރިޝްމާ އައްބާސް މެދުވެރިކޮށް، އެންދެރިމާގޭ އައްބާސް ވިދާޅުވެގެން، ނާސިރާއި ވިސާމާއި އާދިލް މެންލައްވާ އޭނާ ކުރުވިކަމެއް ކަމަށެވެ. ވަރަށްފާޅުގައި މިވާހަކަތައް މިކުދިން އަޅުގަނޑުމެން ކައިރީގައި ޖަލުގައި ތިބެގެން ކިޔައިދިނެވެ. މިވާހަކަތައް މިގޮތަށް ބޭޒާރުކުރާ މީހަކީ އަޒީއެވެ. މިވާހަކަތަކަކީ، ތަހުގީގު މަރްހަލާގައި ދެކެވިފައި ހުރި ވާހަކަތަކެވެ.


އަދި އަންނިއަށް، 4 އަހަރާއި، 9 މަސްދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި ކަމުގެޚަބަރު ލިބުނެވެ. ހީވަނީ މިކަންހިންގީ ސައްޕެމާލެ ގެންދިޔަ ދުވަސްނޫން އަނެއްދުވަހު ހެންނެވެ. އެއީ ބުދަދުވަހެވެ. ހީވަނީ ޖަލުހުކުމް ތަންފީޒުކުރުން ފެށޭނީ ވަރަށް އަވަހަށް މިތަނުންކަމަށެވެ!


މިއަދު ޖަލުއޮފީހުން މީހަކު އައިސް މިރޭ، 10:00 ގައި އިބުރޭ ޖަވާހިރުވާދީއާ ބައްދަލު ކުރުވާނެ ކަމަށް އަޅުގަނޑަށް އެންގިއެވެ. ރޭގަނޑުވެ ދިހައެއް ޖެހުމުން އަޅުގަނޑު ބަލާ އައީ ނަސީމެވެ. ނަސީމު އަޅުގަނޑު ނެރެގެން ގެންދިޔައީ ޖަލުގެ އުނދޯލިގެއަށެވެ. އެތަނގާއި މޭޒެއް ބަހައްޓާފައި ހުއްޓެވެ. އަދި އެ މޭޒުކައިރީގައި އިބުރޭ ބައިންދާފައި އިނެވެ.


އަޅުގަނޑަށް ވަރަށް މިނިވަންކޮށް ބޭނުންގޮތަކަށް ބޭނުންވާހާ ވާހަކައެއް އިބުރޭއާ ދެކެވޭ ގޮތަށްއޮތީ އެއްވެސް ހުރަހެއްނެތި ދޫކޮށްލާފައެވެ. އިބުރޭ ބުނީ ހުރިހާކަމެއްވެސް ރަނގަޅުކަމަށެވެ. އެންމެން ތިބެނީ އެކުގައިކަމަށެވެ. ދެން ވަކިދަތި ކަމެއްފާހަގައެއް ނުކުރެވޭ ކަމަށެވެ. އިލްޔާސްބެ (އޮމަދޫ އިލްޔާސް) މާލެގެންދިޔަ ވާހަކަބުންޏެވެ. ދޮންދައްތަ ލަންކާއަށް ދުވަސްކޮޅަކަށް ޖައްސާލިވާހަކަ ބުންޏެވެ.


އަދި އެނބުރި މާލެ އަންނާނެކަމަށް ވެސް ބުންޏެވެ. އަދި މިއަދު ފާޒިރާ ބައްދަލުކުރަން އޭނާގެ ބައްޕަ އާއި ކޮއްކޮ ނާޒިމާ ގާމާދޫޖަލަށް އައެވެ. ބައްދަލުކުރީ އުނދޯލިގޭގައެވެ. ފާޒިރު ބުނިގޮތުގައި އޭނާގެބައްޕަ އޭނާގާތުގައި ބުނުއްވީ، ވަރަށްއަވަހަށް ސަލާމަތްވާނެ ކަމަށެވެ. އަދި ވަރަށްއަވަހަށް މާލެގެންދާނެ ކަމަށެވެ. މިއީ ފާޒިރުގެ ބައްޕަގެ ވާހަކައެވެ.


12 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 476 ވަނަ ދުވަހެވެ. އަޅުގަނޑުމެން ތިބޭބައިގެ ކުރިމަތީފާރުގެ ތިރިންފޫޓެއްގެ އުސްމިނުގައި އެސްލޯނުހޮޅި ބުރިތަކެއް ވަޅުލުމުގެ ހުއްދަދެއްވައިގެން އެމަސައްކަތް މިއަދުކުރީމެވެ. މިކަމާއުޅުނީ މުފީދު (މުފީއްޓޭ) އެވެ. މިއަދުހެދުނު ފުރަތަމަލޯވަޅު އަޅާއިހޮޅިބުރިއެއް ވަޅުލާނިންމާލިއެވެ. މިއީ މުފިއްޓޭ މާބޮޑަށް ކުރާހިތުން އުޅޭކަމެކެވެ.


ފަހަތުގައި ކޮންމެވެސް ސިއްރެއް އުޅެނީކަމަށް ވެސްވެދާނެއެވެ. ދޮރުހުޅުވުމެއްނެތި މިލޯވަޅުތަކުން ކުދިޕެކެޓަފަދަ އެއްޗެހި ޕާސްކޮށް ހެދޭނެއެވެ. ޑްރަގާގުޅުންހުރި ކަމަކަށް ވެސް ވެދާނެއެވެ. ޑުރަގުގައި އުޅޭ ކުދިންނަށް މަތިން ވެސް ބޮޑުންގެ އެހީތެރިކަން އޮންނަހެން ހީވެއެވެ.


މިއީ އެމީހުންގެ އަމަލުތައް ގެންގުޅޭގޮތުން ހީވާ އެއްޗެކެވެ. ބައެއް ފަހަރު އާދަމް ޒާހިރުމެން ކުރުވާ ކަމެއް ކަމާ މެދު ޝައްކު ވެސް ކުރެވެއެވެ. މިކަމުގެ ހުއްދަހޯދަން އުޅެދިނުމަށް އަޅުގަނޑު ކާރީގައި އެދުނީވެސް މުފިއްޓޭއެވެ. މިކަމުގެ ބޭނުމަކަށް އަޅުގަނޑު ދެއްކިބަހަނާއަކީ އިތުރަށް ޖަލުގެތެރެއަށް ވައިވެއްދުމެވެ. މިއީ އަޅުގަނޑުމެން ތިބޭބަޔަށް ތަޒާވައި ވެއްދުމަށްކުރާ މަސައްކަތެކެވެ.


މިއަދުހަވީރު އަޅުގަނޑާ ބައްދަލުކުރުމަށް ގާމާދޫޖަލަށް މަންމައައެވެ. މިބައްދަލުވުން ހިނގީއުނދޯލި ގޭގައެވެ. ފުދޭވަރަކަށް ގިނައިރު ގިނަވާހަކަތައް މަންމަ ދެއްކިއެވެ. ނަސީމު އިންނެވީ އަޅާލުމެއް ނުދެއްވައެވެ. އޮތީވަރަށް މިނިވަން ކަމާއެކު ދޫކޮށްލައްވާފައެވެ. މަންމައާ އެކު އަންދިއާއި ނީޝާނު ވެސް އިބުރޭއާ ބައްދަލުކުރަން އައިވާހަކަ މަންމަ ބުންޏެވެ. މިހާރު އެބައްދަލުވުން ވެސް އެހެންދިމާއެއްގައި ހިނގަމުންދާ ވާހަކަމަންމަ ބުންޏެވެ.


މަންމައައީ ގެއިންވަރަށްގިނަ ކެއުމުގެސާމާނު ހިފައިގެންނެވެ. ފެންކޭހެއްވެސް ގެނެސްދިނެވެ. އަދި ހުއްދަލިބުނީ ދެބޭންޑުގެ ރޭޑިޔޯއެއް ޖަލަށް ގެންނާން ކަމަށް މަންމަގެ ފަރާތުން އޮޅުން ފިލިއެވެ. އެހެންވެ މިއަދު މިގެނައީ ދެބޭންޑުގެ ރޭޑިޔޯއެއްކަމަށް މަންމަބުނެދިނެވެ. އެހެނަސް އަޅުގަނޑު ބޭނުންވަނީ، ވާލްޑުބޭންޑުތައް ލިބޭރޭޑިޔޯއެއް ކަމަށް މަންމަގާތުގައި ވެސް ބުނީމެވެ. އަދި ނަސީމު ކައިރީގައިވެސް ބުނީމެވެ.


13 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 477 ވަނަ ދުވަހެވެ. މިއަދު ވަކި ޚާއްސަ ކަމެއްނެތެވެ. ނާސިރު މާލެ ގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page