top of page

ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (ހަތަރުވަނަބައި)

Writer: ilyashusein
ilyashusein
Sep 12
28 min read

*ގައުމީދުވަހު ކުކުޅުރިހަ ލިބުން:

*ނޯޓުކުރެވުނު ހުވަފެނެއް:

*ނޯޓުކުރެވުނު ރޭލުދަތުރު ހުވަފެނެއް:

*މަޖާ ދެހުވަފެނެއް:

*ގެއިން ކާނާވަށިގަނޑެއް ލުބުން:

*މައްކާމިނާގެ ހުވަފެނެއް:

*ސިއްރުސިފައިން ފާރަލުމުގެ ހުވަފެނެއް:

*ޖަވާހިރުވާދީން ކަނޑާލިފޯންލައިނުތައް އަލުން ގުޅައިދިނުން:

*އިސްލާހީހަރަކާތައި ބޮޑުހުޅު - 1990 ގުޅުވަން ކުރެވުނުމަސައްކަތް:

*ކުޑަގޮޅީގައި އިނދެ އަރަބިބަހުން ލިޔެފައި އޮތްފޮތެއް، އަންނިއަށް ދިވެހިބަހަށް ތަރުޖަމާކޮށް ދިނުން:

*ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތުގެ ވާހަކަ އާއި މާލެތެރޭގައި ބިންބިފޯސް މެދުވެރިވެގެން ހިންގި މާލެ ބޮޑުހުޅުޖެހުމުގެ ހާދިސާގެވާހަކަ:

*ހުވަފެނެއް، އަދި ކުރެވުނު އުންމީދެއް ގެއްލިދިއުން:

*މިބުރުގައި ކުޑަގޮޅީގެ 300 ވަނަ ދުވަސް:

*އަޅުގަނޑަށް ފެނުނު އާދަޔާޚިލާފު ހުވަފެނެއްގެ ވާހަކަ:

*ދޫނިދޫ ކުޑަގޮޅީގައި، 374 ދުވަހަށް ފަހު ގާމާދޫޖަލަށް ބަދަލުކުރުން:


ފާހަގަކުރެވުނު ނުކުތާތައް:


1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، 2 ސެޕްޓެމްބަރ 1990 ވަނަދުވަހުގެރޭ ސަލްޓަންޕާކްގެ ތެރޭގައި ފެޓްރޯލްބޮމެއް ގޮއްވާލުމާއި މާލޭގައި ލޯންޗަކާއި ދެކާރު ގޮއްވާލުމާއި ބާޒާރުމަތީ ފިހާރައަކާއި ގުދަނެއްގައި އަލިފާންރޯކޮށް މިފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ބަޔަކުހިންގިކަން އެނގިހުރެ ކަމާބެހޭ ފަރާތަށް އެކަންނާންގާ ސިއްރުކޮށްފައިވާތީ ޓެރަރިޒަމްގެކުށުގެ މައުލޫމާތު ސިއްރުކުރުމުގެ ކުށަށް ގާނޫނުނަންބަރު: 90/19 ގެ 6 ވަނަމާއްދާގެ (ށ) ގެ ދަށުންނެވެ.


ޤާނޫނު އަސާސީ ތަސްދީގު ކުރައްވަނީ
ޤާނޫނު އަސާސީ ތަސްދީގު ކުރައްވަނީ

2- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ކެސެޓްރޯލްގެ މަސްއަލާގައި އިލްޔާސް ހުސައިން އިބްރަހީމް ބަންދުކޮށް ދޫކޮށްލުމަށް ފަހު، އޮފީހަށް ނުކުތްދުވަހު އޮފީހުގައި އިލްޔާސް ހުސައިން އިބްރާހީމް އާއެކު މަސައްކަތްކުރާ އެކުވެރިއަކާ ވާހަކަދައްކަން ތިބުމުގައި ދެމީހުންނަށް ދެކެވުނު ވާހަކައެއްގެ ތެރޭގައި އިސްލާމީ މަރުކަޒުގެ ވޮޗަރެއްގެ ފަރާތުން ސަލްޓަންޕާކްގައި މިކަހަލަކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައި އެބައޮތްކަމަށާއި އެމީހުންނަށް މިކަމުގައި ކޮންމެވެސް ވަރަކަށް ހަންދުގެ އަމަލެއް ވާކަމަށް ނިންމުނުކަމަށް އިލްޔާސް ހުސައިން އިބްރާހީމް ބުނެ އިއުތިރާފް ވެއެވެ.


3- ދައުލަތުން ދައުވާ ކުރެއްވުމުގައި އިތުރު އަލިފާނުގެ ދެތިން ހާދިސާއެއްގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވާއިރު އިލްޔާސް ހުސައިން އިބްރާހީމަށް އޭގެއެއްވެސް މައުލޫމާތެއްލިބިފައި ނުވާކަމަށާއި އެކަމަށް އެއްވެސް ދަލީލެއްހެއްކެއް އޮތިއްޔާއެކަން އަންގައި ދިނުން އެދޭކަމަށާއި އިލްޔާސް ހުސައިން އިބްރާހީމް މިހުރީ އިލްޔާސް ހުސައިން އިބްރާހީމްގެ ދިފާޢުގައި އެކަމަށް ވެސް ވާހަކަދައްކަން ކަމަށާއި އިލްޔާސް ހުސައިން އިބްރާހީމްގެ ބަޔާނުން އެނގެނީ، ސަލްޓަންޕާކްގައި އެހިނގި ބޮންގޮއްވާ ލުމުގައި އެޝައްކުވި ޝައްކުވުން ކަމަށެވެ.


4- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ބުނެފައިވަނީ ކަނޑައެޅިގެން ވަކިދުވަހެއް ބުނަންނޭނގޭ ދުވަހަކު، (ހަނދާންވާ ގޮތުގައި، 1990 ޖުލައިމަހު ފަހުކޮޅު) އިލްޔާސް ހުސައިން އިބްރާހީމާއި ގ.އުތުރުގޭ މުހަންމަދު ޚަލީލް (މައްކޮ) އާދެމީހުން އިސްލާމީ މަރުކަޒުގެ އޮފީސްބައިގާ ތިއްބާ، އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދި (ހަންދު) ކޮންމެވެސް ކަމެއްގައި އެތަނަށް އައިސްއުޅެފައި ނުކުމެގެން ދަމުން، ބޮމެއްހަދަން އުޅޭވާހަކަބުނި ކަމަށާއި ހަންދު މިބުނިއެއްޗަކާ ގުޅޭގޮތުން އިލްޔާސް ހުސައިން އިބްރާހީމް އެއްޗެކޭނުބުނާ ކަމަށާއި ކެސެޓްރޯލްގެ މައްސަލާގައި އިލްޔާސް ހުސައިން އިބްރާހީމް ހައްޔަރުކުރުމަށް ފަހު،


ދޫކޮށްލުމުން އޮފީހަށް ނުކުމެއުޅުނު އުޅުމުގައި އިސްލާމީ މަރުކަޒުގެ ވޮޗަރު ސަލްޓަންޕާކްގައި އެއްޗެއް ގޮވައިގެން އުޅޭވާހަކަ ދެއްކިއަޑު އިވުނުކަމަށާއި މިއަޑުއިވުނީމާ ކުރީދުވަހު، އަހްމަދުރަޝީދު (ހަންދު) ދެއްކިވާހަކައާ ގުޅުންހުރިކަމަށް ލަފާކުރެވި އިލްޔާސް ހުސައިން އިބްރާހީމާއި މުހަންމަދު ޚަލީލް (މައްކޮ) އާދެމީހުން މިކަމާމެދު ޚިޔާލުކޮށް ދެމީހުންގެޚިޔާލަށް ނިންމީ ސަލްޓަންޕާކްގައި ގޮވިއެއްޗަކީ، އަހްމަދުރަޝީދު (ހަންދު) ގެ ކަމެއްކަމަށެވެ. އަދި މިހެންކަން ހިނގާފައި ވަނިކޮށް އިލްޔާސް ހުސައިން އިބްރާހީމް ގޭގެފެންޑާ މަތީގައިހުންނަ ސަރަންފީ ގޮނޑިއެއްގައި އޮށޯވެލައިގެން އޮއްވާ،


އަހްމަދުރަޝީދު (ހަންދު) ބޭރުންއައިސް ގެއަށްވަނުމުން ސަލްޓަންޕާކްގައި ގޮވިއެއްޗަކީ، އެއީ އަހްމަދުރަޝީދު (ހަންދު) ގެކަމެއްހޭ އަހާލުމުން، އަހްމަދުރަޝީދު (ހަންދު) އާންއެކޭ އެއީ ތިމަންނަ ކަމަކޭ މިހެން އަހްމަދުރަޝީދު (ހަންދު) ބުނިކަމަށާއި އޭރުއެހެން ސަރަންފީއެއްގައި ކޮއްކޮ އިސްމާޢީލް ރަޝީދު ހުސައިން އޮށޯވެލައިގެން އޮތްކަމަށާއި ހަންދު މިކަންކުރިވާހަކަ ބުނުމުން ހަންދުއަށް ނަސޭހަތްތެރިވެ އެކަހަލަ ކަންތައްކޮށްގެން ނުވާނެކަމަށް އިލްޔާސް ހުސައިން އިބްރާހީމް، އަހްމަދުރަޝީދު (ހަންދު) ގާތުގައި ބުނިކަމަށް ބުނެފައިވެއެވެ.


އަދި މީގެފަހުން ދުވަހެއްގައި އިލްޔާސް ހުސައިން އިބްރާހީމް ގޭގައިއުޅެނިކޮށް ހަންދު އައިސް ކޮނޑޭ ތުއްތުމަނިކުގެ އުނދަގޫބޮޑު ވެއްޖެއޭ މިއުޅެނީ ފުއްޕާހަމަކަށް ގޭސްއަޅައިގެން ކޮނޑޭތުއްތު މަނިކު ދުއްވާކާރު ގޮއްވާލަން ވެގެންނޭ މިހެންބުނި ކަމަށާއި މިހެންބުނުމުން ހަންދުއަށް ވަރަށް ނަސޭހަތްދީ އެއްވެސް މީހެއްގެ މުދަލަކަށް އެއްޗަކަށް ގެއްލުންދީ ހަދައިގެން ނުވާނެޔޭ މިހެން، އިލްޔާސް ހުސައިން އިބްރާހީމް ބުނިކަމަށް ވެސް ތަހުގީގުގައި ބުނެފައިވެއެވެ.


(މިއީ ކަނޑައެޅިގެން ދޮގެކެވެ. މިއީ މޯރާ ތައުފީގާއި ވ.ޅަހުއްތާއި މުހަންމަދު އިބްރާހީމް ވެގެން ތަހުގީގުކުރުމުގައި ރާވާލައިގެން އަޅުގަނޑުގެ ބޮލުގައާއި އަންނިގެ ބޮލުގައާއި މުހައްމަދު ޚަލީލް (މައްކޮ) ގެ ބޮލުގައި  ޓެރަރިޒަމްގެ އަމަލެއް އެނގިހުރެ ނާންގާކަމުގެ ކުށްއެޅުވުމުގެ ބޭނުމުގައި ހިންގި ތަހުގީގީ ހީލަތެކެވެ. މިއީ ހަގީގަތެއްނޫނެވެ. މައްކޮ އާ އެކު މިއިން ވާހަކައެއް ދެކެވިފައެއް ނުވާނެއެވެ. ފަހެ، މިއީ ތަހުގީގު ކުރުމުގައި މަކަރާއި ހީލަތްހެދުންކަން ކަށަވަރެވެ. އޮޅުވާލައިގެން މީހުންނަށް ނޭނގޭކަންތައް އެނގޭކަމަށް ހަދައިގެން މީހުންގެ ބޮލުގައި ބޮޑެތިޖަރީމާތައް އެޅުވުމަށް ހިންގާފައިވާ ކަޅުޖަރީމާއެކެވެ. ތަހުގީގީ މަކަރެކެވެ. ޝަރީޢަތް އޮޅުވާލުމުގެ މަގްސަދުގައި ކޮށްފައިވާ ނުހައްގު އަމަލެކެވެ. މިކަން ކުރި މީހުން ކޮށްފައި އެވަނީ ޖިނާއީކުށެކެވެ. އަޅުގަނޑާ މައްކޮއާ ވެސް އަދި ގޭގައި ހަންދުވެސް އަޅުގަނޑާ މިފަދަ އެއްވެސް ވާހަކައެއް އެބުނާ ދުވަސްވަރު ދައްކާފައި ނެތްކަން ކަށަވަރެވެ. ﷲ ދެނެވޮޑިގެންވާނެއެވެ. އަޅުގަނޑަށް ހުވާކުރަން ކެރިދާނެއެވެ. މިއީ ތަހުގީގު ޓީމުން ރާވާލައިގެން އުފައްދާފައިވާ ހީލަތެކެވެ. ހިންގާފައިވާ ޖަރީމާއެކެވެ. ބަޔަކުރާވައިގެން ހިންގި ސިޔާސީ ކަންތައް ގަނޑެކެވެ. ގަބޫލެއް ނުކުރެވޭނެއެވެ.)


މައްކޮ އާއި ސާބިރާއި އަހުރެން އިސްލާމީމަރްކަޒުގެ އެންމެފުރަތަމަ ތިންވެރިން
މައްކޮ އާއި ސާބިރާއި އަހުރެން އިސްލާމީމަރްކަޒުގެ އެންމެފުރަތަމަ ތިންވެރިން

5- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސަލްޓަންޕާކްގައި ހިނގިކަންތައް ތަކަކީ، ޓެރަރިޒަމް އަމަލެއްކަން އިލްޔާސް ހުސައިން އިބްރާހީމަށް އެނގިފައި ނުވާކަމަށާއި އަދި މިހާތަނަށް ވެސް މިކަހަލަ ގާނޫނެއް އޮތްކަމެއް ވެސް އެނގިފައި ނުވާކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ބުނާބުނުމަކީ މާބުރަދަނެއް ހުރި ވާހަކައެއް ކަމުގައި ބެލެވޭކަށް ނެތެވެ.


އެހެނީ ގާނޫނުނަމްބަރު: 90/10 (09.12.1990) ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ، 7 ވަނަމާއްދާގައި ނަންގަނެވިގެންވަނީ، “މިގާނޫނުފާސް ވުމުގެކުރިން ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން ޝަރީޢަތުން ނުނިމިހުރި ކަންތައްތަކަށް ވެސް މިގާނޫނު ހިންގޭނެއެވެ.” މިގޮތަށް އެގާނޫނުގައި ކަނޑައަޅުއްވާފައިވާ ކަމަށްޓަކައެވެ.


(ޝަރީޢަތުގައި އަޅުގަނޑު މިހެން ދެންނެވީ، ރައީސް މައުމޫނު މިގާނޫނު ހެއްދެވީ ވަކިބަޔަކު ބަންދުކޮށްފައި އޭގެތެރެއިން ވަކިބަޔަކުތާށިވާ ގޮތަށް ތަހުގީގީ ހީލަތްތަކާއި މަޞްނޫޢީ ޝަރުޢީ ހީލަތްތައް ބޭނުންކޮށްގެން ވަކިބަޔަކަށް ޓެރަރިސްޓު ހުކުމްތަކެއް އިއްވުމުގެ ޒާތީ ބޭނުމުގައި އެކުލަވާލެއްވި ކުއްލިގާނޫނަކަށް ވާތީއާއި އެގާނޫނުގައި ގާނޫނުގެ އިލްމާއި ސަމާވީ ދީންތަކުގެ ޝަރީޢަތްތަކާ މުޅިންޚިލާފަށް، ފިތްރަޠައި ދިމާ އިދިކޮޅަށް ވަކިމާއްދާއެއް މަތީގައި އެވާގޮތަށް ވަކިބައެއްގެ މައްޗަށް ހުކުމް އިއްވޭގޮތަށް ލިޔެގެން މަޖިލީހުން ފާސްކުރުވާފައި ގާނޫނަކަށް ވާތީއެވެ.


އެހެންވެ މިކަމަކީ ވަރަށް ޒާތީކަމެއްކަމަށް ޝަރީޢަތުގައި އަޅުގަނޑުވާނީ ތަކުރާރުކޮށް ދަންނަވާފައެވެ. އެހެނަސް އިއްޒަތްތެރި ގާޒީ، މިވާހަކަތަކަށް ރިޢާޔަތް ކުރައްވާފައެއް ނެތެވެ. އަޅުގަނޑުގެ ވާހަކައަކީ މިހާދިސާ ހިންގިއިރު، ޓެރަރިޒަމް މަނާކުރާ ގާނޫނެއް އޮތްކަމެއް އެނގިފައިނެތް ވާހަކައެވެ. ތިޔައީ ނޭނގޭ ވުޖޫދުގައި ނެތްކުށެކެވެ. އަލްއުސްތާޒު ޒާހިރުހުސައިންގެ ފަހުން، ބަންޑާރަ ނައިބަކަށް، ފަހު މަރަހަލާއެއްގައި ޑޮކްޓަރ މުހަންމަދު މުނައްވަރު ވަޑައިގެން އެގާނޫނުން މިމާއްދާވަނީ މަޖިލީހަށް ފޮނުއްވައިގެން އުވާލައްވާފައެވެ.


މިއިން ވެސް ސާބިތުވަނީ އޭރުއެކަންތައް ރައީސް މައުމޫނު ކުރައްވާފައި އެވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތްޒާތީ ތައައްސުބެއްގެ ހަސަދައިގެ ބަދަލުހިފުމުގެ ބޭނުމުގައި ކަމަށެވެ. އަޅުގަނޑުގެ ޕޮއިންޓަކީ ވެސް މިއެވެ. މިމާއްދާ އެގާނޫނުގައި ނެތްނަމަ މިއީ ބޭނުންތެރި ރަނގަޅު ގާނޫނެކެވެ. މިޒަމާނަށް ފެތޭ އަދި ބޭނުންތެރި ގާނޫނެކެވެ. ވަކި ޚާއްސަ މަގްސަދެއް ނެތި ރާއްޖޭގެ އިސްލާހަށް އެޅުއްވި ފިޔަވަޅަކަށް އޭރުން ވާނެއެވެ.)


6- އަހްމަދުރަޝީދު (ހަންދު) ބޮމެއް ތައްޔާރުކުރާ ވާހަކަ އިލްޔާސް ހުސައިން އިބްރާހީމް ގާތުގައި ބުނެފައިވާ ކަމަށާއި، 2 ސެޕްޓެމްބަރ 1990 ވަނަދުވަހުގެރޭ ސަލްޓަންޕާކް ތެރޭގައި ގޮއްވާލި ފެޓްރޯލްބޮމަކީ، އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ، އަހްމަދުރަޝީދު (ހަންދު) ގޮއްވާލި ބޮމެއްކަމަށާއި އެކަން އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން ޝަރީޢަތަށް ސާބިތުވެއެވެ.


(މިއީ ކަނޑައެޅިގެން ގޯސްވާހަކައެކެވެ. މުޅިން ދޮގެކެވެ. ޝަރީޢަތުގެ މަޖިލީހުގައި މިގޮތަށް އަޅުގަނޑު އިޢުތިރާފް ވެފައެއް ނުވާނެއެވެ. ބަޔާނުގައި އެހެރީ ބިރުދައްކައިގެން، ސިފައިން އަމިއްލައަށް ލިޔުނު ވާހަކަތަކެވެ. މިކަންތައް މީގެކުރިން، އަޅުގަނޑަށް އެނގިފައި ނެތްކަމަށް ހުވާކުރަން ކެރިދާނެއެވެ.)


ހުކުމް:


ދެންހަފެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދު (ހަންދު) ބޮމެއްހަދަން އުޅޭވާހަކަ އިލްޔާސް ހުސައިން އިބްރާހީމްގެ ގާތުގައި ބުނެފައިވާ ކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ބުނެ އިއުތިރާފް ވެފައިވުމާ، 2 ސެޕްޓެމްބަރ 1990 ވަނަ ދުވަހުގެރޭ ސަލްޓަންޕާކް ތެރޭގައި ޕެޓްރޯލްބޮމެއް ގޮއްވާލާފައި ވުމާއެކު، އެއީ އަހްމަދު ރަޝީދު (ހަންދު) ކަމެއްތޯ ސުވާލުކުރުމުން އަހްމަދުރަޝީދު (ހަންދު) ކުރިކަމެއްކަމަށް އިލްޔާސް ހުސައިން އިބްރާހީމް ގާތުގައިބުނިކަމަށް އިލްޔާސް ހުސައިން އިބްރާހީމްބުނެ އިއުތިރާފް ވެފައިވުމާ،


އަދި ފުއްޕާހަމަކަށް ގޭސްއަޅައިގެން ކޮނޑޭތުއްތު މަނިކު ދުއްވާކާރު ގޮއްވާލަންވެގެން އުޅޭކަމަށް އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދު (ހަންދު) ބުނިކަމަށް އިލްޔާސް ހުސައިން އިބްރާހީމް ބުނެ އިއުތިރާފް ވެފައި ވުމާއެކު، އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން ޓެރަރިޒަމްގެ ކުށުގެ މައުލޫމާތު ލިބި ސިއްރުކޮށްފައި ވާކަން އިލްޔާސް ހުސައިން އިބްރާހީމް، ޝަރީޢަތުގެ މަޖިލިސްގައާއި ތަހުގީގުގައި ވެފައިވާ އިއުތިރާފުން ޝަރީޢަތަށް ސާބިތުވީ ހިނދު ޓެރަރިޒަމްކުށުގެ މައުލޫމާތުލިބި ސިއްރުކުރުމުގެ ކުށުން،


އިލްޔާސް ހުސައިން އިބްރާހިމް ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުނަންބަރު: 90/10 ގެ 6 ވަބނަމާއްދާގެ (ށ) ގެދަށުން އިލްޔާސް ހުސައިން އިބްރާހީމް، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ.


މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ އަލްއުސްތާޒް އަބްދުލްޣަފޫރު އަހްމަދު، ޖަސްޓިސްގެ ޚާއްސަގާޒިއެވެ. މިހާތަނަށް މިބުރުގައި އަޅުގަނޑުގެ މައްޗަށް އިއްވަންހުރި ހުރިހާހުކުމެއް މިހާހިސާބުން އިއްވާ މި ނިމުނީއެވެ.


ގައުމީދުވަހު ކުކުޅުރިހަ ލިބުން:


10 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 262 ވަނަ ދުވަހެވެ. މިއަދަކީ، ހިޖްރީން، 1412 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ، 1 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ގައުމީދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. މެންދުރު ކާންދިނީ ކުކުޅެވެ. ޖަލުގައި މިއީ ވަރަށްމަދުން ނޫނީ ނުލިބޭއެއްޗެކެވެ.


11 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 263 ވަނަދުވަހެވެ. މިއަދަކީ ވެސް ރަސްމީބަންދު ދުވަހެއްކަމަށް ޚަބަރުލިބުނެވެ. ވަކިމުނާސަބަތެއް ނޭނގުނެވެ. ގަވައިދުން، ނެރެމުންދާ ގޮތަށް މިއަދުވެސް މޫދަށް ނެރުނެވެ. އެހެން އިތުރުކަމެއް ނެތެވެ.


12 ސެޕްޓެމްބަރ 1991 ވީ ބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 264 ވަނަދުވަހެވެ. މިއަދު ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔައެވެ. އަޅުގަނޑު ކޯޓަށް ހުކުމް އިއްވުމަށް، 9 ސެޕްޓެމްބަރ ގައި ގެންދިޔަ ދުވަހުވެސް ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔަކަމަށް ވެއެވެ. އެދުވަހު އޭނާ ކޯޓަށް ގެންދިޔައީ، ކޯޓަށްދީފައިވާ ބަޔާނުގައި ސޮއިކުރުވާށެވެ. އެހެންވުމުން މިއަދު އޭނާއަށް އިއްވާނީ، ހުކުމްކަމަށް ބެލެވެއެވެ.


ފަހުން އެނގުނުގޮތުގައި ވިންޓަރޝަރީފަށް މިއަދު އިއްވި ހުކުމަކީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލް ރެކޯޑްކުރުމުގެ ކުށާއި އެރޯލް މީސްމީހުންނަށްދީ ބަހާހެދުމުގެ މައްސަލައިގެ ހުކުމެވެ. އިއްވިހުކުމަކީ، 1 (އެކެއް) އަހަރުދުވަހަށް އަރުވާލުމަށެވެ. ދެން ވިންޓަރުގެ މައްޗަށް ބާކީ އޮންނާނީ، ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލައިގެ މައުލޫމާތު އެނގި ހުރެ ސިއްރުކުރިކަމުގެ ކުށުގެ މައްސަލައެވެ. މިދައުވާވެސް މިހާރު ވަނީ އުފުލިފައެވެ. އަދި މަޙްޟަރު ކުރެވިފައެވެ.


ނޯޓުކުރެވުނު ހުވަފެނެއް:


އާދެ! މިއަދުގެރޭ ނިދާފައިއޮއްވާ ފެންނަ ހުވަފެނަކީ، “މަރިޔަމް ކެތީރޯސް” އާއެކު މަޖާކޮށްލާއި ކާންގޮސް އުޅޭމަންޒަރެވެ. އަދި އޭނަޔާއެކު ޕާކިސްތާނަށް ގޮސް ޕާކިސްތާނުގައި ދުވަސްވީ އާސާރުތަންތަން ބެލެމުގައި އުޅޭތަނެވެ. އަދިރޭގަނޑުގެ ކެއުމަކަށްގޮސް ކެއުމުގައި މަޖާކޮށް ހީސަމާސާކޮށް އުޅޭތަނެވެ. ފެނުނީ މުޅިންވެސް ޕާކިސްތާނުގައި އުޅޭތަނެވެ.


މިއީ މަރީގެ ގޭތެރެއާއި އޭނާގެ މަންމަމެން ހުރިހާ ކުދިން ވަރަށް ހަނދާން ކޮށްދިން ހުވަފެނެވެ. މުޅިދުވަހު މިހުވަފެން ހަދާނުގައި ހުއްޓެވެ. މި ހުވަފެނުގެ ތައުބީރެއްކަމަށް އަޅުގަނޑުނެގީ، އެއާއިލާއިން އަޅުގަނޑު ހަދާންކޮށް އަޅުގަނޑަށް ހެޔޮގޮތްތައް ވުމަށް އެދެނީ ކަމަށެވެ. އަވަހަށް މިނިވަންވުމަށް އެދެނީކަމަށެވެ! ކުޑަގޮޅީގައި ހުންނައިރު ފެންނަ ހެޔޮ ހުވަފެނަކީ ހިތްހަމަ ޖައްސައިދޭ ކަމެކެވެ. އަދި ހިތްވަރުލިބި ކުރިމަގު އުޖާލާކޮށްދޭ ކަމެކެވެ.


13 ސެޕްޓެމްބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 265 ވަނަދުވަހެވެ. މިހާރުޖަލު ބެލެހެއްޓުމަށް ހުންނަވާ ސަރުދާރު ފިރާގު ކައިރީގައި ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީއެއް ލިޔަންބޭނުން ވާކަމަށާއި އެކަންތައް ހަމަޖައްސައި ދިނުމަށް މިއަދު އެދުނީމެވެ. ފިރާގު ސަރުދާރު މިކަން ހަމަޖައްސައި ދޭނެވާހަކަ ބުންޏެވެ. އަޅުގަނޑު މިސިޓީލިޔަން ގަސްދުކުރީ، ހުރިހާހުކުމްތަކެއް މިހާރުއިއްވާ ނިމިފައި ވުމާއެކު، ރައީސް މައުމޫނު އަރިހަށް އަދަބުލުއި ކޮށްދިނުމަށް އެދުމުގެ ބޭނުމުގައެވެ.


ރައީސް އަރިހަށް ސީދާ ރައީސް އަތްޕުޅަށް އަރާގޮތަށް ސިޓީއެއް ލިޔުމަކީ، ރަނގަޅުކަމެއް ކަމަށް ހިތަށް އަރައިގެންނެވެ. އެއްގޮތަކަށް ވެސް ކޮށްދެއްވާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. އަދި ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ހުކުރުނަމާދު ޖަމާޢަތުގައި ނުކުރެވިގެން އުޅޭމަންޒަރެވެ. ދެންފެންނަނީ ރާއްޖެތެރޭގެ ރަށެއްގައި އުޅެނިކޮށެވެ. މިހުވަފެނުގެ ތަޢުބީރު އަޅުގަނޑު ކުރިގޮތަކީ، ރައީސްއަރިހަށް ސިޓީއެއް ލިޔުނަސް އަދި މާއެދެވޭ ގޮތެއް ނުވާނެ ކަމަށެވެ. މިނިވަންވެ ދިވެހިރާއްޖޭގެ ރީތިރަށްތަކަށް ދަތުރުފަތުރުތައް ކުރެވޭނީ ފަހުންކަމެވެ. އަދި ރާއްޖެތެރެއަށް އަޅުގަނޑުފަދަ ސިޔާސީމީހަކު އަރުވާލުމުގެ ގޮތުން ނުފޮނުވާނެ ކަމެވެ.


ޢައްލާމާ އިބްނި ޝީރީނުގެ “ތަޢުބީރުލްމަނާމް” މިފޮތަކީ އަޅުގަނޑު ކިޔާއި މުޠާލަޢާކޮށްފައިވާ ފޮތަކަށްވާތީ ޖަލުގައި ހުންނައިރު އެފޮތުގެ މަތިން ވަރަށް ހަދާންވެއެވެ. އަދި އެއްފަހަރު ކިޔާލަން ލިބޭނެ ނަމައޭ އަބަދުވެސް ހިތަށްއަރައެވެ. މިއަދަކީ، ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ، 4 ވަނަދުވަހެވެ.


14 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 266 ވަނަ ދުވަހެވެ. މިއަދު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ އަތްޕުޅަށް އެޑްރެސްކޮށް އަދަބުލުއިކޮށް ދެއްވުންއެދި ޚާއްސަ ސިޓީއެއް ލިޔުނީމެވެ. ސިޓީލިޔެ ހަދާފައި ސަރުދާރު ފިރާގުއައި ހަވާލު ކުރުމުން ރައްދުކޮށް ދޭނެވާހަކަ ބުންޏެވެ. މިއަދު، 11:15 ގައި މިސިޓީ ސަރުދާރާ ހަވާލުކުރީމެވެ.


ސިޓީގައި ޖުމްލަކޮށް ފާހަގަކޮށް ފައިވާނީ، އެއްބަސްވީ ދުވަހުން ފެށިގެން ހުކުމް އިއްވުމާހަމައަށް ޖަލުގައި މިހާ ގިނަ ދުވަސް ވެފައި ވާތީ، އެދުވަސްތައް ހުކުމުތެރޭގައި ގުނޭގޮތަށް ހަމަޖައްސައި ދެއްވުމަށާއި ޖަލުގެ ހުކުމް ގޭބަންދަށް ބަދަލުކޮށް ދެއްވާތޯއާއި ވީހާއަވަހަށް މިހުކުމްތަކުން މައާފުދެއްވުން އެދިއެވެ.


ނޯޓުކުރެވުނު ރޭލުދަތުރު ހުވަފެނެއް:


އަރުވާލަ ދެއްވުން އެދި ނުލިޔުނީ އެކަން ނުކުރައްވާނެކަން ކަށަވަރުކޮށް ޔަގީންވެފައި ވާތީއެވެ. މިއަދުހެދުނު، 10 ން 11 އަށް ބޭރަށްނެރެ މޫދަށް ގެންދިޔައެވެ. އަދި ރޭގައި ހުވަފެނުން ފެންނަނީ، ބާރުސްޕީޑެއްގައި ދުއްވާފައިދިޔަ ރޭލެއްގައި އަޅުގަނޑު އިށީދެގެން އިންދާއަތުގައި އޮތްކޮތަޅެއް ރޭލުންބޭރަށް ވެއްޓުނީމާ، ރޭލު ހުއްޓުވައިގެން އެކޮތަޅު ނުނެގިގެން އުޅޭތަނެވެ. ކޮތަޅު ތެރޭގައި އޮތީ ގަމީހަކާއި މަދިރިދުންދަނޑި ޕެކެޓެވެ. ފަތިހުހޭލުމަށް ފަހު، ވަރަށް ގިނައިރުވަންދެން މިހުވަފެން ރީތިކޮށް ހަދާންހުއްޓެވެ.


މިހުވަފެނުގެ ތަޢުބީރެއްކަމަށް އަޅުގަނޑު ނިންމީ، ރައީސް މައުމޫނު އަރިހަށް ސިޓީލިޔުނަސް ޖަލުގައި އުޅުމަށް އަދި ދުވަސްތަކެއް ހޭދަކުރަން ޖެހޭނެކަމަށެވެ. އާގަމީހެއް ނުލެވޭނެކަމެވެ. ކުދި އުނދަގޫތައް ކުރިމަތީގައި ހުރިކަމެވެ. މަދިރިފަދަ ސޫފާސޫފީންގެ ނޮހޮރުއްޕާންތައް ކުރިޔަށް އޮންނާނެކަމެވެ. އަޅުގަނޑު ބާރަށް އަވަހަށް ބާރަށް ދާންބޭނުންވިޔަސް ކުރިމަގުގައި ބޮޑެތި ހުރަސްތަކެއް އެބަހުރިކަމެވެ. ކުރިޔަށް ދާންއޮތް ކުރިމަގުގައި އަޑިތަކާއި އުސްތައް ބަހުރިކަމެވެ. މިކަންކަމުން ރައްކާތެރިވެ ސަލާމަތްތެރި ވާން ހުޝިޔާރުވެ ހުންނަން ޖެހޭނެކަމެވެ.


މަޖާ ދެހުވަފެނެއް:


15 ސެޕްޓެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 268 ވަނަ ދުވަހެވެ. ޖަލުތެރޭގައި ފާހަގަކޮށްލެވޭ ކަމެއް ނުހިނގައެވެ. އާދައިގެ މަތިންގޮޅިގައި އޮތީއެވެ. ރޭގައި ފެންނަހުވަފެނަކީ މިއެވެ. އަޅުގަނޑު މެންގޭގައިހުރި އިބްރާހީމްފުޅު (ކަނދޮޅުދޫ ޝައިޚު އިބުރާހީމް ޒަކަރިއްޔާ މޫސާ) އައިސް އަޅުގަނޑާ ބައްދަލުކޮށް، އޭނާއަށް އަޅުގަނޑު މެންނާދޭތެރޭގައި ކަންތައްތައް ކުރެވިފައި ހުރިގޮތްކިޔައިދީ އެކަންތައްތަކާމެދު ދެރަވެގެން އުޅޭތަނެވެ. މަޢާފަށް އެދޭތަނެވެ.


ދެންފެންނަނީ، ބުރެވިމާގެއަށް މަންދޫހާ މެންގެއަށްގޮސް އުޅެނިކޮށް، އޭނާގެބައްޕަ މުހައްމަދު ޒާހިރު (ދިގުޒާހިރު) އައި ބައްދަލުވެ، ޒާހިރުގެ ދަތުރެއް ޕާކިސްތާނަށް އޮތްވާހަކަ ކިޔައިދެއްވާ ތަނެވެ. މިވާހަކަތަކުގެ ތެރޭގައި ތިއްބާ އެގޭތެރެއިން އައިންތު (އައިމިނަތު އާރިފު) އައި ބައްދަލުވެ، ކުރީދުވަސް ތަކުގެ މަޖާވާހަކަ ދައްކާއި މަޖާކޮށް ހަދާތަނެވެ. އާންމުކޮށް އަހުރެމެން ތިބޭ އެގޭ ގެ ޖޯލިފަތި ވެސް ފެނުނެވެ. އައިންތުއަކީ، އައިންތު އެސްއީސީގައި ކިޔެވި ދުވަސްވަރުން ފެށިގެން އަޅުގަނޑުގެ ވަރަށް ގާތް، އަދި އެކުވެރި ބައިވެރިއެކެވެ. އައިންތު ފެނުމުން ކުރީގެ ދުވަސްތައް އިއާދަވީމާ މުޅިދުވަހު އުޅެންޖެހުނީ އެހަނދާނުގެ ތެރޭގައެވެ. ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ.


އައިންތު އާ އެކު
އައިންތު އާ އެކު

ގެއިން ކާނާވަށިގަނޑެއް ލުބުން:


17 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 269 ވަނަދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރުފެރީ ދޯނިން ގެއިންފޮނުވި ކާނާވަށިގަނޑެއް ލިބުނެވެ. މިއީ ގެއިން ދޮންދައްތަ ފޮނުވި ކާނާވަށިގަނޑެކެވެ. މިސާމާނާއެކު ހަވީރުނޫސް ބޮނޑިއެއްވެސް އޮތެވެ. ނޫސްބޮނޑީގައި، 21 އޯގަސްޓުން ފެށިގެން، 13 ސެޕްޓެމްބަރާ ހަމައަށް ނޫސްތައް ހުއްޓެވެ. އަދި އެ ހަފްތާގެ ނިއުސްވީކަކާއި ޓައިމްމަޖައްލާއެއް ލިބުނެވެ. ކެއުމުގެ ބައެއްސާމާނާއި ނޫސްމަޖައްލާތައް ލިބުނީމާ ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ.


18 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 270 ވަނަދުވަހެވެ. ޖަލުގައި އެއްވެސް މުހިންމުކަމެއް ނުހިނގައެވެ. ގޮޅީގެއާދަތައް ކުރިޔަށް ގެންދިޔައިމެވެ. އޮޅުކުކުޅުތަކާއި ހާތަކަށް ކާންދިނުމާއި މިކަހަލަކަންތައް ކުރިޔަށް ގެންދެވުނެވެ. ގޮޅީގެ އާދަކާދާގައި ގިނަވަގުތު ހޭދަކުރަނީ މިކަހަލަ ކަންތަކުގައެވެ.


19 ސެޕްޓެމްބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 271 ވަނަދުވަހެވެ. އެއްވެސް އާކަމެއް ނުހިނގައެވެ. ކުކުޅުތަކާއި ހާތަކާއެކު މަޖާކުރުމާއި އެވެރިންނަށް ކާންދިނުން އޮތެވެ.


މައްކާމިނާގެ ހުވަފެނެއް:


20 ސެޕްޓެމްބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 272 ވަނަދުވަހެވެ. ވަކިއާކަމެއް ނުހިނގައެވެ. ރޭގެނިދީގައި އަތަމާގެ އަބްދުލްލަތީފާއި ޝައިޚުނިޒާރުއާ ދެމީހުންނާއެކު މައްކާގެ މިނާގައި އުޅެނިކޮށް ފެނުނެވެ. ދެން ފެންނަނީ ބޭރުގައުމެއްގައި މާސިންގާބޮޑު ގެއެއްގައި އުޅޭތަނެވެ. އެގޭގައި ކުޑަސިއްކަ ވެސް ކެމެރާއެއް ހިއްޕަވައިގެން އުޅުއްވައެވެ. ދެންފެންނަނީ އަޅުގަނޑު އެމީހުންނާވަކިވެ ނިދާނެތަނެއް ނުފެނިގެން އުޅޭތަނެވެ. އެންމެފަހުން ކުނަލެއްގައި ބިންމަތީގައި ނިދާތަނެވެ.


އަޅުގަނޑުގެ ނަޒަރުގައި މިހުވަފެނުގެ ތަޢުބީރަކީ، އަބްދުއްލަފީފާއެކު ހައްޖުދަތުރެއް ނުކުރެވި ގިނަދުވަސް ތަކެއްވެގެންދާނެ ކަމެވެ. ސިޔާސީ ބަންދުތަކެއް ވާންފެށުނީ އަބްދުއްލަތީފާ އެކު، 1976 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖެހިޖެހިގެން ހައްޖުދަތުރުތަކެއް ކުރަމުން ގެންދަނިކޮށެވެ. ފުރަތަމަ ދިއްދޫއިބްރާހީމް ކަލޭފާނު (ޑީއައިކޭ) އަރިހުގައެވެ. ދެން އޭގެފަހުން އަތަމާ އަބްދުލްލަތީފާ އެކުގައެވެ. ރާއްޖެއިން ބޭރުގައި އަމިއްލަ ދިރިއުޅުމެއް ކުރިމަގުގައި އޮތީކަމުގައި ވެސް ހިތަށް ގެނެވުނެވެ.


އަތަމާ އާއިލާ އޭރު އަހުރެންގެވެސް އާއިލާ
އަތަމާ އާއިލާ އޭރު އަހުރެންގެވެސް އާއިލާ

21 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ. 273 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަބީޢުލް އައްވަލަމަހުގެ، 12 ވަނަ ދުވަހެވެ. މިއަދަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އަދި މިއަދަކީ، ރަސޫލުﷲ ސައްލަﷲ އަލައި ވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައި ގެންނެވި ދުވަހެވެ. ސަރުދާރު ކައިރީގައި މާދަމާ ގެއަށް ސިޓީއެއް ލިޔަން ބޭނުންވާ ވާހަކަ ނަންގަތިމެވެ.


22 ސެޕްޓެމްބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 274 ވަނަދުވަހެވެ. މިއަދު، މިމަހު ގެއަށް ފޮނުވާސިޓީ ލިޔެގެއަށް ފޮނުވައި ދިނުމަށް އެދި ސަރުދާރާ ހަވާލުކުރީމެވެ. މަހަކުއެއްފަހަރު ގެއަށް ސިޓީއެއް ލިޔެވޭގޮތަށް ހަމަޖެހިފައި އޮންނާތީ ކޮންމެމަހެއްގެ، 22 ވަނަދުވަހު ގެއަށް ސިޓީއެއް ލިޔަމެވެ. މިއީ ޖަލުންގެއަށް ލިޔާ، 3 ވަނަ ސިޓީއެވެ. ފުރަތަމަސިޓީ ލިޔުނީ، ޖުލައި، 22 ގައެވެ. ދެވަނަ ސިޓީލިޔުނީ، 22 އޯގަސްޓް ގައެވެ. ގެއަށް ޖަލުންފޮނުވާ، 3 ވަނަސިޓީ މިފޮނުވަނީ މިއަދެވެ.


ސިއްރުސިފައިން ފާރަލުމުގެ ހުވަފެނެއް:


އަދި ރޭގައި ހުވަފެނުން ފެންނަނީ، ވަރަށް ވަރުގަދައަށް ތައްޔާރުވެގެން ކިޔޮޅުކަމު ދާންވެގެން ވެގެންއުޅޭ މަންޒަރެވެ. އަދި އަޅުގަނޑުގެ ފަހަތުން ސިއްރުސިފައިން ފާރަލަމުގައި ހަރަކާތްތެރި ވަމުންދާ ތަނެވެ. ދެން މިއާ ވިއްދައިގެން ފެންނަނީ، އޭރު އަރައިގެން ހުރި އެއްޓެނިހުގެ ނާޑުވާގަނޑު ގެއްލިގެންއުޅޭ ތަނެވެ. މިއީ އަޖައިބެއްފަދަ ހުވަފެން ތަކެކެވެ. އެއްޗެއް ގެއްލިގެން ނުފެނިގެން ހޯދާތަނެވެ. މިޒާތުގެ ހުވަފެންތަކުގެ ތަޢުބީރެއްގެ ގޮތުން އަޅުގަނޑު އިބްރަތް ލިބިގަންނަނީ، އަދިވެސް އަޅުގަނޑު މިހިރީ ސަރުކާރުގެ ފާރަލުމުގެ ދަށުގައި ކަމަށާއި ކުރިޔަށް ވެސް ސަރުކާރުގެ ނުރައްކާތައް ފުލުފުލުގައި ކުރިމަތިވާން ތައްޔާރަށް ރޭވިފައި އެބަހުރިކަމެވެ.


23 ސެޕްޓެމްބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 275 ވަނަ ދުވަހެވެ. މިއަދުވެސް އާދައިގެ މަތިން ކަސްރަތަށާއި މޫދަށް ގެންދިޔައެވެ. އަދި މިއަދު ހަންދު މާލެގެންގޮސް އޭނާގެ އަންހެނުންނާ ބައްދަލުކުރުވިއެވެ. މިކަންހިނގީ މާލޭގައެވެ. ބައްދަލުވުން ނިމުމުން ހަނދު ދޫނިދޫއަށް ގެނައީއެވެ.


24 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 276 ވަނަ ދުވަހެވެ. މިއަދު މާލެ ގެންދިޔައެވެ. ދޮންދައްތަ އެދިގެން ދޮންދައްތައާ ބައްދަލު ކުރުމަށެވެ. މިކަން ހިންގީ މާލޭގައި ސިފައިންގޭގެ ތެރޭގައެވެ. މެންދުރު، 12 ޖެހިއިރުއެވެ. ފުދޭވަރަކަށް ދިގުކޮށް، ގިނައިރު ވާހަކަ ދެކެވުނެވެ. އެއްވެސް ހުރަހެއް ނެތެވެ. ގޭތެރޭގައި އާންމުކޮށް ހުރިހާކަމެއް ވެސް ރަނގަޅުކަމަށާއި މާމަގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ދޮންދައްތަ ބުންޏެވެ.


ޖަވާހިރުވާދީން ކަނޑާލިފޯންލައިނުތައް އަލުން ގުޅައިދިނުން:


އެމީހުންގެ އަމިއްލަ ގެކަމުގައިވާ މައްޗަންގޯޅި ޔުރިކާ ފަސްބުރިއަށް އަޅަންފެށި ވާހަކައާއި އިފްހާމް ކޮއްކޮ އެންޓްރަންސް ޓެސްޓު، Entrance Test ން ފާސްވި ކަމަށާއި ވިދާދުގެ، 15 ފުރޭއުފަން ދުވަހުގެޕާޓީ ޖަވާހިރުވާދީގައި ބޭއްވުމަށް ޑިފެންސުން ހުއްދަދެއްވި ވާހަކަ، ދޮންދައްތަ ބުންޏެވެ. ޖަވާހިރުވާދީގައި ހުންނަ، ދޮންދައްތަމެންގެ ފޯންލައިންތައް ވެސް ހުއްދަލިބިގެން ގުޅައިދީފިކަމަށް ބުންޏެވެ. އަދި އެމީހުން ޗުއްޓީއަކަށާއި ޖެފްގެބައްޔަށް ފަރުވާއެއް ހޯދުމަށް ޑޮކްޓަރަކަށް ދައްކާލަންޖެހޭތީ ބޭރަށްދާން އުޅޭވާހަކަ ބުންޏެވެ.


އަދި މިހާރުވަނީ ކޮންމެމަހެއްގެ، 1 ވަނަ ދުވަހާ، 15 ވަނަ ދުވަހުގެއިން ކާނާވަށިގަނޑެއް ޖަލަށް ފޮނުވޭގޮތަށް ހަމަޖެހިފައިކަމަށް ދޮންދައްތަ ބުންޏެވެ. މިހުއްދަދެއްވީ ސިޓީއަކުން އެކަމަށް އެދި ހުށަހެޅުމުން ކަމުގައި ދޮންދައްތަ ބުންޏެވެ. އަދި އަޅުގަނޑުމެން ޖަލުގައި ތިބި، 3 މީހުންގެ ކަންތަކުގައި އަބަދުވެސް މިނިސްޓްރީ އޮފް ޑިފެންސަށާއި ޕްރިސަންސަށް ސިޓީލިޔެ އަބަދުހެން ގޮސްއުޅެން ޖެހޭވާހަކަ ބުންޏެވެ. އަދި ގޭގެ ހުރިހާކަމެއް ވެސް ބަލަހައްޓަނީ ދޮންދައްތަކަމަށާއި ގަރާޖް ބަލަހައްޓައިދެނީ ޖަވާހިރުވިލާ ޚޫރުޝީދު އިސްމާޢީލް (ހޫއްޓޭ) ކަމަށް ދޮންދައްތަ ބުނެދިނެވެ.


މިބައްދަލުވުން ނިމުމުން އެނބުރި ދޫނިދޫއަށް އަޅުގަނޑު ގެނައީ ކުޑަވޭލަރެއް ގައެވެ. އަޅުގަނޑާއެކު މާލެ ގެންގޮސް އަދި ދޫނިދޫއަށް މާލެތެރޭގައި އަލިފާންޖަހަނިކޮށް ހިފާހައްޔަރުކުރި ބ.އޭދަފުށީ ނާސިރާއި މ.މާކޮޅު ވިސާމް ވެސް މާލެ ގެންގޮސް އަދި ގެނައެވެ. އަޅުގަނޑުމެން ތިންމީހުންނަށް މެންދުރުކެއުން ކާންދިނީ ސިފައިންގެ އިންނެވެ.


އިސްލާހީހަރަކާތައި ބޮޑުހުލު - 1990 ގުޅުވަން ކުރެވުނުމަސައްކަތް:


މިދެމީހުންނަކީ މާލެ ތެރޭގައި ހިންގި އަލިފާނުގެ ނުރައްކާތެރި ބޮޑުހުޅުޖެހުމުގެ ހާދިސާތައް މާލެތެރޭގައި، ބިންބިފޯސް މެދުވެރި ވެގެން އަމަލީގޮތުން ހިނގި ދެމީހުންނެވެ. މިކަމާބެހޭ ވަރަށް ގިނަވާހަކަތައް މިދެމީހުން އަޅުގަނޑަށް މިދަތުރުގައި ކިޔައިދިނެވެ.


އަލިފާނުގެ ހާދިސާއާއި އަޅުގަނޑުމެންގެ އިސްލާހީ ހަރަކާތާ ވަރަށް ބޮޑަށް ގުޅުވާލުމަށް ބިންބިފޯހުން ކޮށްފައި ހުރި މަސައްކަތް މިދެމީހުންގެ ފަރާތުން އަޅުގަނޑު މެންނަށް ސާފުވިއެވެ. މިވާހަކަތައްވާނީ، ޖަލުގެޔައުމިއްޔާ ތަކުގައި އާންމުކުރުމުގެ ކުރިން އަޅުގަނޑުލިޔުނު އެކިއެކި މަޒްމޫނުތަކުގައި ވަރަށް ތަފްސީލުކޮށް ގެނެސްހާމަކޮށް ފައެވެ. އަޅުގަނޑުގެ ސައިޓުގައި ހުރި މަޒްމޫނުތަކުގައި މިވާހަކަތައް ލިޔެފައިވާނެއެވެ.


އެވާހަކަތައް ބައްލަވާ ލައްވާށެވެ. ޑޮކްޓަރ ވަހީދުގެ ބޮލުގައި މާލޭގެ ހުޅުޖެހުން އެޅުވުމަށް ރާވައިގެން މަސައްކަތްތަކެއް ބިންބިފޯހުން ކުރިކަން މިދެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ކިޔައިދީފައި ވެއެވެ. ޑޮކްޓަރ ވަހީދު މިކަމުގެ ތުހުމަތުގައި ތާށިކޮށް ލުމަށް ހަދާނެގޮތްތައް މިދެކުދިންނަށް ބިންބިފޯހުން ކިޔައިދީފައި ވެއެވެ. ސަރުދާރު ފިރާގުކައިރީގައި މާދަމާ މިނިސްޓްރި އޮފް ޑިފެންސަށް ސިޓީއެއް ލިޔަންބޭނުންވާ ވާހަކަ ބުނީމެވެ. އެހުއްދަ މާދަމާ ދޭނަމޭ ފިރާގު ބުނުއްވިއެވެ.


25 ސެޕްޓެމްބަރ 1990 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 277 ވަނަ ދުވަހެވެ. މިއަދު ސައިބޮއިގެން ކުރިކަމަކީ، މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލިޔުމެވެ. މި ޚިޔާލު ކުއްލިއަކަށް ހިތަށް ހަމަ ވަނީއެވެ! މިސިޓީގައި އެދިފައިވާނީ، ޑިފެންސް މެދުވެރިކޮށް އަޅުގަނޑުގެ ޝަރީޢަތްތައް ނިމުނުގޮތުގެ ރިޕޯޓްތައް އަޅުގަނޑުގެ ދައްތަ އިލްހާމް ހުސައިނާ ހަވާލުކޮށް ދެއްވުން އެދި، ކޯޓްނަމްބަރު: 6 އަށް ފޮނުވި ސިޓީއަކާއި އެސިޓީ ކޯޓްނަމްބަރު: 6 އަށް ފޮނުވައި ދިނުން އެދި ޑިފެންސަށް ފޮނުވި ސިޓީއެކެވެ. ޑިފެންސް ސިޓީގައި ލިޔެފައިވާނީ، ކޯޓަށްލިޔުނު ސިޓީ، ކޯޓަށް ފޮނުވުމަށްޓަކާ ދޮންދައްތަ (އިލްހާމް ހުސައިން) އަށް ރައްދުކޮށް ދެއްވުން އެދިއެވެ.


26 ސެޕްޓެމްބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 278 ވަނަ ދުވަހެވެ. އާދައިގެ މަތިން މޫދަށާއި ކަސްރަތަށް ނެރުނެވެ. މިއަދު، އަންނި ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންގޮސް، ހަވީރު ދޫނިދޫއަށް ގެނައެވެ. އަންނިގެ ފަރާތުން، ސިފައިންގެއިން ބަލަހައްޓާ މޭނާޖަލުގައި މިއަދު އިބުރޭ (އިބްރާހީމް ރަޝީދު) އާއި އަލީ (އަލީރަޝީދު) ބައިތިއްބާފައި ތިބިކަން އެނގުނެވެ. އަންނި އާއި އެ ދެމީހުންނާ އެޖަލުން މެންދުރު ކެއުމުގައި ދިމާވީއެވެ. މި ދެމީހުން ގެއިން އެޖަލަށް ގެނައީ، އެދުވަހު ޖަވާހިރުވާދީގައި ވިދާދުވަހީދުގެ، 15 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ޕާޓީ ބާއްވާތީ ކަމުގައި ވެސް އަންނި ބުނެދިނެވެ.


އަދި މާލޭގެ މުހިންމު ޚަބަރުތައް އަންނި ގެނެސްދިނެވެ. ދޫނިދޫ ޖަލުގައި އުޅޭތާ ގިނަދުވަސް ވެފައިވާތީ މިހާރު އެއްގޮޅިން އަނެއްގޮޅިއާ ރީތިކޮށް ވާހަކަދައްކާލާއި މެސެޖްފަދަ ތަކެތި ޕާސްކޮށް ހެދުމަކީ އެއްވެސް އުނދަގޫ ކަމެއްނޫނެވެ. ފޯރީންގެ މާބޮޑުއަޅާލުމެއް ވެސް ނޯވެއެވެ. ވަރަށް ރަނގަޅަށް ބޭނުންކަމެއްކޮށް އުޅެވެއެވެ. އާންމުކޮށް ގެއިންގެނެސްގެން އަންނި މުޠާލަޢާކުރަން ގެންގުޅޭ ދިވެހިރާއްޖޭގެ ގަދީމީތާރީޚާއި ގުޅޭ މުހިންމު ފޮތްތައް އަޅުގަނޑަށް ގެނެސްދީ އެފޮތްކިޔާ ނިންމުމަށް އަންނި ބުނެއެވެ.


ކުޑަގޮޅީގައި އިނދެ އަރަބިބަހުން ލިޔެފައި އޮތްފޮތެއް، އަންނިއަށް ދިވެހިބަހަށް ތަރުޖަމާކޮށް ދިނުން:


އެއްފޮތް ނިމޭއިރަށް އަނެއްފޮތް ގެނެސްދީފައި އެއްކޮށް ކިޔުމަށް އަންނި އަޅުގަނޑު ގާތުގައި ބުނާނެއެވެ. އަބަދުވެސް އެއްފޮތް މިކޮޅުގައި ގޮޅީގައި ބާއްވަދެއެވެ. ރާއްޖޭގެ ތާރީޚު ދަސްވެ އެނގެންފެށީ އެފޮތްތަކުންނެވެ. ފޮތްތައް ބަދަލުކުރުމާއި މިކަހަލަކަންތައް ކޮށްއުޅެނީ ގާޑުންފެންނަން ނުތިބޭވަގުތު އަމިއްލައަށެވެ. ބައެއްރައްޓެހި ގާޑުންމިފަދަ ކަންތަކާ އެއްގޮތަކަށް ވެސް އަޅައެއް ނުލައެވެ. އަންނި އެދިގެން އަޅުގަނޑު ޖަލުގައިހުރިއިރު އަންނިއަށް ކޮށްދިން އެންމެބޮޑު މަސައްކަތަކީ، ޢަރަބި ބަހުން ހަސަންތާޖުއްދީނު ލިޔުއްވާފައިފާ ދިވެހި ތާރީޚުފޮތް އަޅުގަނޑު ދިވެހިބަހަށް ކުޑަގޮޅީގައި އިނދެ ބަދަލުކޮށް ދިނުމެވެ.


ބަލައިލާނެ އެއްވެސް ޑިކްޝެނެރީއެއް އިންޓަރނެޓެއް އެއްޗެއް ނެތި މި މަސައްކަތް ކުރީ އަޅުގަނޑުގެ ސިކުނޑީގައި ޖަމާވެފައި ހުރި ޢިލްމުންނެވެ. އިތުރުއެހެން އެހީތެރިކަމެއް ނެތިއެވެ. ތަރުޖަމާކުރެވޭ ވަރަކުން އަޅުގަނޑު ގެންދިޔައީ އެސަފްހާއެއް އަންނި ކިޔާލުމަށް ދެމުންނެވެ. އަންނި ބެއްލެވުމަށް ފަހު އަނެއްކާވެސް އަޅުގަނޑު އަތަށް ލިބުމުން މުޅިބާބު އެކުގައި ނިންމާއި ދެތިންފަހަރު ކިޔާބެލުމަށް ފަހު، މުޅިން ނިންމާފައި އަންނިއަށް ރައްދުކޮށް ދެނީއެވެ.


ދެން މިވާހަކަތައް އޭނާޖަލުގައި އިންނަވައިގެން ލިޔުއްވާ ތާރީޚީ ފޮތްތަކުގައި ބޭނުން ހިއްޕަވަމުން ގެންދަވަނީއެވެ. އަންނި ލިޔުއްވި “ދަގަނޑުދަހަނާ” ގައި މިވާހަކަ ގެންނަވާފައި ވާކަން ފާހަގަކޮށް އެމަނިކުފާނަށް ހިތުގެއަޑިން ޝުކުރުދަންނަ ވަމެވެ. މިއީ ގިނަމީހުން ކުރާ ކަމެއް ނޫނެވެ. އަބަދުވެސް އަންނި ވިދާޅުވާނެއެވެ. މިކޮށްދެއްވި މަސައްކަތުގެ ބަދަލު އިލްޔާސަށް ދޭނެގޮތެއް ތިމަންނާއަކަށް ނޭނގެއެވެ.


މިހެންއުޅެފައި އަޅުގަނޑު މީހަކާއިންރޭ ވަރަށް ވަރުގަދަ ހަދިޔާއެއް އަންނި އަޅުގަނޑަށް ފޮނުއްވިކަން މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށް ޝުކުރު ދަންނަވާހިތް ވެއެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. އަޅުގަނޑާ ތިމާގެ ބޭފުޅެއް ކަމުގައިވާ ޔާގޫތުގޭ ލައިލާއަލީއާ އެކު، އެރޭ އަޅުގަނޑުގެ ކައިވެނީގެ އުފަލުގައި ބޭއްވުނު ހަފްލާގައި އެދެބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. ޖަލުގެކުޑަގޮޅީގައި އަޅުގަނޑުމެން ތިބީ ދިވެހިގައުމުގެ އިސްލާހީ ހަރަކާތުގެ އިސްމީހުންގެ ގޮތުގައެވެ.


އަހުރެމެންގެ ކައިވެނިޕާޓީގައި އަންނި
އަހުރެމެންގެ ކައިވެނިޕާޓީގައި އަންނި

އަޅުގަނޑު މެން ޒުވާންޖީލަށް މިފަދަހިތްވަރެއް ލިބުނީ، ޑޮކްޓަރ ވަހީދުމެން އެތެރޭގަޔާއި ބޭރުގައި ތިއްބަވައިގެން ކުރެއްވި އަގުހުރި މަސައްކަތުންނެވެ. އަޅުގަނޑުމެން އެންމެންގެ ފިކުރާއި ވިސްނުން އަބަދުވެސް ހުންނަނީ ދިވެހިގައުމުގެ ކުރިމަގަށް އަމާޒުކޮށެވެ. އެންމެންގެ ވެސް ހުންނަނީ އެއްވިސްނުމެކެވެ. އަޅުގަނޑުމެންގެ މެދުގައިއޮތް އެކުވެރިކަމަކީ ވަރަށްވަރުގަދަ އެކުވެރި ކަމެކެވެ. މުޅިއުމުރަށް ވެސް ދެމިގެންދާނެ ގަދަފަދަ ސިޔާސީ ގުޅުމެއްކަން ކަށަވަރެވެ. ސިޔާސި ގުޅުމަކީ ވަކި ހަމަތަކަކުން ބަދަހިވާ ގުޅުމެކެވެ. އެހެނަސް އެކަން ގެއްލޭ ހިނދު އެކަން ވަރުގަދައަށް ނެތިދާނެތެވެ.


27 ސެޕްޓެމްބަރ 1991 ވީ ހުކުރި ދުވަސް، ޖަލުގައި ހުންނަތާ، 279 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ޖަލުގެ އާދަކާދައިގެ މަތިން ދިޔަދުވަހެކެވެ.


28 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 280 ވަނަ ދުވަހެވެ. އާދައިގެ މަތިންމޫދަށާއި ކަސްރަތަށް ނެރުނެވެ. އެހެންޚާއްސަ ކަމެއްނެތެވެ.


29 ސެޕްޓެމްބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 281 ވަނަ ދުވަހެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.


30 ސެޕްޓެމަބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 282 ވަނަ ދުވަހެވެ. މިއަދު ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔައެވެ. ސަލްޓަންޕާކް ބޮމުގެ މައްސަލައިގެ ހުކުމް އިއްވާށެވެ. ވިންޓަރގެ މައްޗަށް ނިޔާކަނޑައެޅީ ވެސް، 3 (ތިނެއް) އަހަރަދުވަހަށް ޖަލަށްލުމަށެވެ. އަދި ދޮގުހަދާއި ތަހުގީގަށް އޮޅުވާލުމުގެ ކުށުގައި އެއްއަހަރު ދުވަހަށް އަރުވާލުމަށް ހުކުމެއް އިއްވިއެވެ.


1 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 283 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެންނަ ހުވަފެނަކީ، ރާއްޖެތެރޭގެ ރަށަކަށްގޮސް އުޅެނިކޮށެވެ. ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކާއި ސަރަނގު އާދަމްމަނިކާ އެކުގައެވެ. އެރަށުގެ ބައެއް އިސްމީހުންނާ ބައްދަލުކުރާ މަންޒަރެވެ.


ސަރަނގު އާދަމްމަނިކާ އެކު
ސަރަނގު އާދަމްމަނިކާ އެކު

މާލެތެރޭގައި ބިންބިފޯހުގެ އިރުޝާދު ލިބިގެން އަލިފާނުގެ ހާދިސާތައް މާލެތެރޭގައި ހިންގި، ނާސިރު މިއަދު މާލެ ގެންދިޔައެވެ.


ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތުގެ ވާހަކައާއި މާލެތެރޭގައި ބިންބިފޯސް މެދުވެރިވެގެން ހިންގި މާލެ ބޮޑުހުޅުޖެހުމުގެ ހާދިސާގެވާހަކަ:


އާދެ! މިއަދު މާލެގެންދިޔަ ނާސިރު، ދޫނިދޫއަށް އަނބުރާ ގެނައުމުން، އޭނާގެ އަނެއް ބައިވެރިޔާ ވިސާމް އަލީއަށް ގޮވާފައި މިއަދު މާލޭގައި ސިފައިން ހިންގި ކަންތައް ކިޔައިދިނެވެ. އެވާހަކަތަކުގައި އަޅުގަނޑު ބައިވެރިވީމެވެ. އަދި އެވާހަކަތައް އެކަކުއަނެކަކަށް އަޅުގަނޑުމެން ތިންމީހުންނަށް އިންގޮޅީގައި ތިބެގެން ސާފުކޮށް އިވުނެވެ. ސިފައިން ނާސިރާކުރި ސުވާލުތައް، ނާސިރު ވިސާމަށް ކިޔައިދިނެވެ. ނާސިރު ބުނަނީ، ނާސިރާ ސުވާލު ކުރީ، އަޒީ ކޯޓަށް ގެންދިއުމުންނާއި ތަހުގީގުގައި މިގޮތަށް ބުނެފައި ވާތީއެވެ.


އަޒީ ބުނަނީ މިގޮތަށެވެ. “ނާސިރާއި ވިސާމު މާލެތެރޭގައި އަލިފާން ރޯކުރުމުގެ ހުރިހާކަމެއް ކުރީ، އައްބާސް ބުނެގެންނެވެ.” ނާސިރު މިގޮތަށް އަޒީކައިރީގައި ބުނެފައިވާ ކަމަށެވެ. މިއަދު ނާސިރު ކައިރީގައި މިސުވާލުކޮށް، މިއީތެދެއްތޯ ސިފައިން ސުވާލުކުމުން އެވާހަކައަކީ އެއްގޮތަކަށް ވެސް ނާސިރު ނުބުނާ ވާހަކައެއްކަމަށް މިއަދު މި އައީ ސިފައިންނަށް ބަޔާނެއް ދީފައި ކަމަށް ބުންޏެވެ.


މިވާހަކަތަކުގެ ޚުލާޞާއަކީ، މާލެތެރޭގައި ނާސިރާއި ވިސާމާވެގެން ރޯކުރި ހުރިހާ ތަންތަނެއް ރޯކޮށް ހުޅުޖެހީ، އައްބާސް، އެމީހުން ކައިރީގައި ބުނެގެންނެވެ. އަދި ނާސިރު މިވާހަ އަޒީއަށް ކިޔައިދީފައިވާ ކަމަށް އަޒީފާޅުގައި އެބަބުނެއެވެ. މިއަޒީއަކީ، ނާސިރާއި ވިސާމާއެކު އަލިފާނުގެ މައްސަލާގައި ބަންދުކުރެވުނު، ބ.އަތޮޅު މީހެކެވެ. މިވާހަކަ އަޒީވަނީ، އަޅުގަނޑާއި އަންނިއާއި ބޮޑުސައްޕެއަށް ވެސް ކުޑަގޮޅީގައި ތިބިއިރު، އެދުވަސްވަރު ކިޔައިދީފައެވެ.


ނާސިރު، އަޒީކައިރީގައި ބުނެފައިވަނީ، “އައްބާސް "އެންދެރިމާގެ" ވިދާޅުވެގެން ހުރިހާ ތަންތަނެއް ރޯކޮށް އަންދާލީ އަހަރުމެން.” މިހެންނެވެ. ނާސިރު ވިސާމް ކައިރީގައި ބުނަނީ، ސިފައިންގެ އެދުމުގެމަތިން، ނާސިރު މިއަދު ބަޔާންދިނީ، މިގޮތަށް މިވާހަކަ އަޒީކައިރީގައި ނާސިރު ނުބުނާކަމަށެވެ. ވީމާ ވިސާމު ވެސް ވަރަށް އަވަހަށް ގެންދާނެއެވެ. ވިސާމު ވެސް ބަޔާންދޭންވާނީ، އަހަރެން އަޒީ ކައިރީގައި މިކަހަލަ ވާހަކައެއް ބުނިއަޑު އެއްގޮތަކަށް ވެސް ނާހާކަމަށެވެ.


އަދި ވިސާމާ، އައްބާހާ އެއްވެސް ގުޅުމެއް މިކަމުގައި ނުވާކަމަށް ބުނާށެވެ. ސިފައިންވެސް އެދުނީ މިގޮތަށް ބުނާށެވެ. އައްބާހުގެ އަތެއް މިކަމުގައި ވާކަމަށް މިތަހުގީގު ތެރޭކައި ދެކެވުނީ، ބިންބިފޯހާއި އައްބާހާ އަދި މާފަންނު އަސުރުމާގޭ މީހަކު މެދުވެރިކޮށް ނާސިރާއި ވިސާމާ، މިކަމުގައި ވާހަކަތަކެއް ދެކެވި ގުޅުންތަކެއް ސީދާކޮށާއި ނުސީދާކޮށް ހިނގާފައި ވާތީއެވެ. ތަހުގީގުތެރޭގައި މިވާހަކަތައް ތަފްސީލުކޮށް އަޅުގަނޑުމެން ދެއްކީމެވެ.


މިވާހަކަތަކެއް ފުރަތަމަ ފަޅާއެރީ އަޒީގެ ފަރާތުންނެވެ. އަޒީއަކީ ޖަލަށްލީމައި ބިރުންގޮސް ހުރިހާ ވާހަކައެއް ތެދަށް ކިއައިދޭ މީހެކެވެ. އެހެނަސް މިވާހަކަތަކުން ކިޔައި ދެވުނު ހުރިހާ ވާހަކަތަކެއް ނުލިޔެ  ބަޔާންތަކުގައި ލިޔަމުން ގެންދިޔައީ، ސިފައިން ބޭނުންވި ހުރިހާ ވާހަކަތަކެއް އެކަންޏެވެ. އެކިދުވަހު މަތިން މިމީހުން ސިފައިންގެއަށް ގެންގޮސް ބަޔާންތައް އެއްގޮތްކޮށް ނިންމާލީއެވެ. އައްބާސް ގެ އެއްވެސް ވާހަކައެއް ބަޔާންތަކުގައި ނުލިޔެއެވެ.


އަޅުގަނޑުމެން އިސްލާހީ ހަރަކާތުގެ މީހުންނަށް މިވާހަކަތައް ކުޑަގޮޅީގައި ތިބިއިރު ލިބުނީ، އަޒީއާއި ނާސިރާއި ވިސާމު މިތިންމީހުންގެ ފަރާތުންނެވެ. މިއީ ވަރަށްބޮޑު ރޭވުމަކާއި ތާރީޚީ ކަންތަކެއް ފަހަތުގައި އެކުލެވިފައިވާ ސިޔާސީ ކަންތައްގަނޑެކެވެ. ސީދާ ސިޔާސީ ހުޅުޖެހުމެކެވެ. ކުރީދުވަސްވަރު ކަކާގޭ އާއިލީޕާޓީއާ ދެކޮޅަށް މާލެތެރޭގައި އަތިރީގޭ އާއިލީޕާޓީން ޖެހިފަދަ ސިޔާސީ ބޮޑުހުޅު ޖެހުމެކެވެ.


މިހާރުގެ ތަހްޒީބީ ޒަމާނުގައި ގައުމުގައުމާއި ރަށްރަށުގައި ޖަހަމުންދާ ބުޝްފަޔާސް، Bushfires ބޮޑުހުޅުޖެހުމަކީ ވެސް ސިޔާސީ މަގްސަދުތަކަށްޓަކާ ކުރާކަމެއްކަން ވަނީ ފަޅާއަރާފައެވެ. ފަހަކަށް އައިސް ތުރުކީގައި އެހެން ބައެއްގައުމުގައި ޖެހި ބޮޑު ހުޅަކީވެސް ފައިސާދީގެން ބަޔަކު ފޮނުވައިގެން ދުނިޔޭގެ ސިއްރުދައުލަތުން ހިންގާ ޖަރީމާއެއްކަމަށް ވަނީ ފަޅާއަރާފައެވެ. ހިފުނު މީހުން މިކަންވަނީ ސާފުކޮށް ކިޔައިދީފައެވެ.


އަޅުގަނޑު އެދުވަސްވަރު ލިޔުނު ބައެއް މަޒުމޫނުތަކުގައި މާލޭ ބިޑުހުޅުޖެހުމަށް އަލިއަޅުވާލާފައި ހުންނާނެއެވެ. އެމަޒްމޫނުތައް އަޅުގަނޑުގެ ސައިޓްގައި ފެންނަގޮތަށް މަތިކުރެވިފައި ހުންނާނެއެވެ. ނާސިރާއި ވިސާމު، މާލެތެރޭގައި އަލިފާންރޯކުރަން އުޅެނިކޮށް އަތުލައި ގަނެވުނީ، އަޅުގަނޑުމެން ޖަލުގައި ބަންދު ކުރި ފަހުންނެވެ. މިމީހުން އަތުނުޖެހޭއިރު މިހުރިހާކަމެއް މާލެ ތެރޭގައި ހިންގިބަޔަކީ އަޅުގަނޑުމެން، އިސްލާހީ ހަރަކާތުގެ މީހުން ކަމުގައި ހަދާ ބަޔާންތައްވަނީ ސިފައިންނަގާ ހަދާފައެވެ. އަދި އެބަޔާންތައް ވަނީ މީޑިއާގައި އާންމުކޮށް ހަދާފައެވެ. ސީދާ އޭރުގެ ސަރުކާރާއި ރައީސް މައުމޫނުގެ ސިއްރު ރޭވުމުންނެވެ.


އޭގެތެރެއިން ބައެއް ބަޔާންތައް ރާއްޖޭގެ ރަސްމީ ޓީވީއާއި ދިވެހިރާއްޖޭގެ އަޑު ރޭޑިޔޯއިން ކިޔާވެސް ހެދިއެވެ. ބޭނުމަކީ އެކަންތައް އަޅުގަނޑުމެން ފަދަ، ސިޔާސީމީހުންގެ ބޮލުގައި އަޅުވައި ޓެރަރިސްޓުންނަށް ހަދާލުމެވެ. އެހެނަސް، ﷲގެ އިރާދަފުޅުން މާލެ ތެރޭގައި އަލިފާންރޯކޮށް ހެދި މީހުން އެކަންކުރަނިކޮށް ތެތްއަތައި ހިފުމުން އަޅުގަނޑުމެންގެ ބޮލުގައި މާލޭބޮޑުހުޅު - 1990 ޖެހުމުގެ ކަންތައް އަޅުވާ، ހުކުމް ކުރެވޭގޮތް ނުވީއެވެ.


ނާސިރާއި ވިސާމް މިކަމުގައި ބެދި އެމީހުން ތެދު ހެދުމުގެ ސަބަބުން، ޖަލުގައި އެމީހުން ތިބި ގޮޅިއަށް، ބިންބިފޯހުގެ އިސް އޮފިސަރަކަށް އުޅުނު، ވާދޫ ޑީޑީ އޭ ކިޔުނު މީހަކު، އާދަންޒާހިރު ލައްވާ ޖަލަށް ގެނެސް ގޮޅިއަށް ވައްދައިގެން މިކަންތައްގަނޑު އަޅުގަނޑުމެންނާ ގުޅުވައި ޑޮކްޓަރ ވަހީދުގެ އިރުޝާދު ލިބިގެން އެމީހުން ހިންގިކަމެއްކަމަށް ހެދުމަށް، ނާސިރާއި ވިސާމަށް، މި ޑީޑީ އޭ ކިޔާ މީހާ ޖަލުގައި އެމީހުން ތިބި ގޮޅީގައި ހުރެގެން އެ ބުއްދިލައިދީ ރާވައި ދިނެވެ.


އެހެނަސް މިދެމީހުންގެ ތެރެއިން ޚާއްސަކޮށް، ވިސާމް ހުރީ ޖަލަށްލުމުން ވަރަށްދެރަވެ ދީންވެރިކަން ސިކުޑިއަށް ވަދެފައި ކަމުން، އެއްގޮތަކަށް ވެސް ދޮގުހަދާކަށް ނުކެރުވެ. އަދި ދޮގުހަދަން ބޭނުން ވެސް ނުވީއެވެ. ބިންބިފޯހުން ސިފައިންގެ އެހީގައި ރޭވިރޭވުން ފެއިލްވެގެން ދިޔައީ މިކަމާހެދިއެވެ. މިގޮތުގެ މަތީންނެވެ. ވިސާމު ދޮގުނުހަދައި ގެންނެވެ. ބިންބިފޯހުގެ އޭޖެންޓު ވާދޫޑީޑީ އެދުނުގޮތަށް ވިސާމް ބަޔާން ނުދީގެންނެވެ.


ވާދޫޑީޑީ ރާވައި ދިންގޮތަށް ވިސާމަށް ދޮގުހަދަން ނުކެރުނީއެވެ. ބިންބިފޯހުގައި އިސްކޮށް އުޅުނު މިދެންނެވި ވާދޫޑީޑީ، ނާސިރާއި ވިސާމަށް ރާވައިދިން ކަންތަކުގެ ވާހަކަތައް، ނާސިރާއި ވިސާމް އަޅުގަނޑު މެންނަށް އަކުރުންއަކުރަށް ކުޑަގޮޅީގައި ތިބިއިރު ކިޔައިދިނެވެ. ފަހުން ގާމާދޫޖަލުގައި ވިސާމް ވެގެންދިޔައީ އަޅުގަނޑު ކައިރިން ކިޔަވާ ސްޓޫޑެއްޓަކަށެވެ. ނާސިރު ހުރީ ސައްޕެއާ އެއްކޮށް އެއްކޮޓަރީގައެވެ. ބައިވަރު ދީނީ މައުލޫމާތައި، އަދި އަރަބިބަސް ލިބިގަންނަން އެކުދިން ބޭނުންވި އެވެ.


އަދި މިވާހަކަތަކަކީ ތަހުގީގުގައި ދެކެވިފައި ހުރި ތެދު ވާހަކަތަކެވެ. ތަހުގީގަށް ހާމަކުރެވިފައިވާ ވާހަކަތަކެކެވެ. އަދި ކޯޓުގެ މަރުހަލާގައި ޝަރީޢަތުގައި ވެސް ދެކެވިފައިހުރި ވާހަކަތަކެވެ. އެހެންވެ މިވާހަކަތައް ސިއްރުނުކޮށް މިހާރު އަޅުގަނޑު މި ހާމަކުރަނީއެވެ. ސިފައިންގެ ތަހުގީގަށާއި އަދުލްއިންސާފުގެ މައްޗަށް ސަވާރުވެ އިންނަވާ ދައުލަތުގެ ހުރިހާ ބާރެއްގެ ވެރިމީހާ، އޭރުގެ ރައީސް މައުމޫނުގެ ނުފޫޒާއިބާރު މިބޭފުޅުންގެ މައްޗަށް އޮންނާތީ، މިއިން އެއްވެސް ވާހަކައެއް ވައިގައި ހިފާގޮތްނުވެ އެކުގައި ހެން އޮއްބާލީއެވެ.


އެހެނަސް ދިވެހިތާރީޚަށް ޓަކައި މިތަނުގައި އަޅުގަނޑު މި ވާހަކަތައް މި ހާމަކޮށް ދެނީއެވެ. އޭރު އޮންނަގޮތުން، ރައީސް މީހާއަކީ، އެންމެމަތީ ވެރިޔާއެވެ. އެއީ ހުރިހާބާރެއްގެ ވެރިޔާއެވެ. ހުރިހާ ވެރިންގެ ވެސް ވެރިޔާއެވެ. ބޭނުންވާ ފަރާތަކަށް، މީހަކަށް ޢިނާޔަތްދެއްވާއި އަފޫކުރައްވާ ވެރި ރަސްގެފާނެވެ. އެހެން އެންމެންނަކީ ދަށު ދަރަޖައިގެ އަޅުންނެވެ! ކިޔަމަންވުން މަޖްބޫރެވެ! އެހެނަސް، ﷲގެ ވާގިފުޅާއެކު، ޖަލުގައި އަޅުގަނޑުމެން ކުރިދުޢާތަކުގެ ބާރުން އިސްލާހީ ހަރަކާތުގައި އުޅުނު މީހުންގެ ބޮލުގައި މާލެތެރޭގެ ބޮޑުހުޅުޖެހި އަލިފާނުގެ އެއްވެސް ހާދިސާއެއް އެޅުވޭ ގޮތް ނުވީއެވެ.


އެހެނަސް ޓެރަރިޒަމްގެ ގާނޫނެއް ހަދާއި ވުޖޫދަށް ގެނެސް، ގަދަކަމުން އެގާނޫނުގެ ދަށުން އަޅުގަނޑު މެންނަށް ވެސް ހުކުމްތައް އިއްވާލާއި ނިންމާލީ، ޚުދުމުޚްތާރު ގޮށްމުށުގެ ބާރުން ސީދާ ރައީސް އޮފީހުންނާއި ރިޔާސީގަނޑުވަރުން އޯޑަރުތައް ނެރެ ތަންފީޒުކޮށް ހަދައި ގެންނެވެ. މިއީ އޭރު ދިވެހިރާއްޖޭގައި އަދުލްއިންސާފު އޮތްމިންވަރު ސާފުކޮށް އަންގައިދޭ ރީތި މިސާލެކެވެ. މިވާހަކަތައް ކިޔާ ދިވެހިތާރީޚަށް ލޯބިކުރާ ކުދިން މިކަންތައް އަންނާން ތިބި ދިވެހި ޖީލްތަކަށް ކިޔައިދީ ލިޔެހަދާށެވެ.


އާދެ! މިއަދު ހަވީރު ގެއިންކާނާ ވަށިގަނޑެއް ލިބުނެވެ. އަދި މިއަދު، ހަންދު މާލެއަށް ބޭސްފަރުވާއަކަށް ގެންދިޔައެވެ. އަދި ޑިފެންސަށް ލިޔުނުސިޓީގެ ޖަވާބު، އަޅުގަނޑަށް ލިބުނެވެ. ކޯޓްނަންބަރު، 6 ށް ލިޔެ ދޮންދައްތައާ ހަވާލުކޮށް ދިނުމަށް އެދި ފޮނުވިސިޓީ ޖަވާހިރުވާދީއަށް ހަވާލުކޮށް ދީފިކަމުގައި ބުނެފައިއޮތެވެ.


2 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 284 ވަނަ ދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. މިއަދު ވިސާމު މާލެގެންގޮސް ހަވީރު ދޫނިދޫއަށް ގެނައެވެ. ވިސާމު މާލެގެންދިޔައީ ނާސިރުއަތުން ނެގިކަހަލަ ބަޔާނެއް ނެގުމަށެވެ. ވިސާމު ވެސް ބަޔާންދިނީ ނާސިރުދިން ގޮތަށެވެ. އަޒީކައިރީގައި އެޒާތުގެ އެއްވެސް ވާހަކައެއް ނާސިރު ބުނިއަޑު ނާހާ ކަމަށެވެ. އަދި ވިސާމު ވެސް އަޒީގާތުގައި އެފަދަ ވާހަކައެއް ދުވަހަކުވެސް ދައްކާފައި ނުވާނެކަމަށެވެ.


ހުވަފެނެއް، އަދި ކުރެވުނު އުންމީދެއް ގެއްލިދިއުން:


3 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 285 ވަނަ ދުވަހެވެ. ރޭގެނިދީގައި ޒަރާނާ ހުވަފެނުން ފެނުނެވެ. ޒަރާނާގެ ގެއިން އޭނާ އަޅުގަނޑަށް ސައިހަދައިދީ ސައިބޮއިހަދާ މަންޒަރެވެ. ސައިބޮއި ނިމެންދެން، ޒަރާނާ އާއި އޭނާގެ މަންމަ އަޅުގަނޑުގާތުގައި ވާހަކަދައްކަން އިންނެވިއެވެ. ޒަރާނާއަކީ، އަޅުގަނޑު ބަންދުކުރިއިރު އެންމެގާތްކަމެއް އޮތް އަޅުގަނޑުގެ ރަހްމަތްތެރި އެކުވެރިޔާއެވެ.


އެހެނަސް، 3 އަހަރުވެފައި ޖަލުން މިނިވަންވީއިރު މިގުޅުންވަނީ އުވިގޮސް ފެނަށްވެ ގެއްލި ގޮސްފައެވެ. މިނިވަންވީ ދުވަހު ގެއަށް ގޮސް ގުޅާލުމުން، އަޅުގަނޑަށް ޒަރާނާ، މިވާހަކަ ވަރަށް އަސަރާއެކު ދިގުކޮށް ކިޔައިދިނެވެ. ދެން އެހިސާބުން ޖެހުނީ މިގުޅުން ނިމިފައިވާ ކަމަށް މުޅިން ނިންމާށެވެ. ކޮންމެއަކަސް މިހުވަފެނުން އެ ދުވަސްވަރު ހަދާނަށް ގެނެސް ދިނެވެ. އަޅުގަނޑު މިނިވަންވި އިރުވެސް އޭނާއުޅެމުން ގެންދަނީ ރައީސް އޮފީހުގައެވެ. ތެދުތެދަށް ވީ ހުރިހާ ގޮތެއް ކިޔައިދެއްވާއި ތެދުވެރިވީމާ ވަރަށް އުފާވިއެވެ. ވަޢުދެއް ނެތިއްޔާ ބޭފަވާއަކަށް ނުވާނެއެވެ. ފޯނުން ވަކިވުމުގެ ބާއްޖަވެރިހަޔާތަކަށް އެދި ދުޢާކުރީމެވެ! އާމީން!


4 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 286 ވަނަ ދުވަހެވެ. ފާހަގަކޮށްލެވޭ ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.


5 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 287 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، އަޅުގަނޑު ދުއްވަން ގެންގުޅޭ ބައިސްކަލް ގެއްލިގެންއުޅޭ މަންޒަރެވެ!! މިއީ ވެސް އަޅުގަނޑާ ދޭތެރޭގައި ވެރިކަމުގެ ފަރާތުން ރައީސް މައުމޫނު ލުޔެއް ދެއްވުމަށް ގަސްދު ނުކުރައްވާކަން ތަޢުބީރުކޮށްދޭ ހުވަފެނެކެވެ. މިފަދަ ހުވަފެންތަކުން ކުރިމަގަށް އުޖާލާކަމެއް ގެނެސްދޭތީ ވަރަށް އުފާކުރަމެވެ. އަދި ﷲއަށް ހާސްހާސް ޝުކުރު ދަންނަވަމެވެ. މިހާރުވެސް ބަރާބަރަށް ގުރުއާން ކިޔެވުމާއި އަޅުކަންތައް ބަރާބަރަށް ކުރިޔަށް ގެންދަމެވެ. އަބަދުވެސް ހުންނަނީ ރޫހާނިއްޔަތުން ތާޒާވެ ޒީނަތްތެރި ވެގެންނެވެ. ހަފްތާއަކު ޚަތިމެއް ކުރެވެއެވެ. މިއަދުވެސް ކަސްރަތަށާއި މޫދަށް ނެރުނެވެ.


6 އޮކްޓޯބަރ 1991 ވީއާދީއަތަ ދުވަސް، ޖަލުގައި ހުންނަތާ، 288 ވަނަ ދުވަހެވެ. މިއަދު ހެނދުނުކޮޅު ތަހުގީގުޓިމު ދޫނިދޫއަށް އައެވެ. މޯރާތައުފީގާއި މުހަންމަދު އިބްރާހީމް ތިއްބެވިއެވެ. މިބޭފޫލުން މިއައީ ސިފައިންގެ ޗީފް އާދަމްޒާހިރުގެ ގެކަމުގައިވާ މ.ވަވަތިއަށް ޕެޓްރޯލްބޮމެއް އެއްލި ސިފައިންގޭގެ ޕްރައިވެޓުން ތަކެއްގެ ތަހުގީގު ކުރިޔަށް ގެންދިއުމުގެ ކަންތަކުގައެވެ. މިބޭފުޅުން މާލެ ފުރުއްވަމުން ގޮޅިތަކުގައި ތިބިބައެއް މީހުންނަށް ކުޑަ ބަދަލެއް ގެނައެވެ.


ހަންދު ހުރީ، 13 ވަނަގޮޅީ ގައެވެ. އަޅުގަނޑު ހުރީ، 15 ވަނަ ގޮޅީގައެވެ. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ހުރި، 14 ނަމްބަރު ގޮޅީގައި އޮތް މއ.ވަވަތި އާދަމްޒާހިރު ގެއަށް ޕެޓްރޯލް ބޮންއެއްލި މައްސަލައިގައި ބަންދުކޮށްފައި ހުރި، މުސްތޮފާ ނެރެގެން ޓިނުގޮޅިއަށް ގެންދިޔައެވެ. އަދި ހުސްވި، 14 ނަމްބަރުގޮޅިއަށް ހަމަ އެމައްސަލައިގެ، ހަލީމް ގެނެސް ވެއްދިއެވެ. މިދެމީހުން ނަކީވެސް ސިފައިންގޭގެ ވަޒީފާގައި ތިބި ދެމީހުންނެވެ. މިމީހުންމިކަން ކޮށްގެން އުޅެނީ ކޮން މަގްސަދެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ. އަހާލައި ސާފުކުރެވޭ ގޮތެއް ނުވަނީއެވެ. ފަހަރުގައި ސިފައިންގެ ރޭވުމަކަށް ވުން ވެސް ގާތެވެ.


7 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 289 ވަނަ ދުވަހެވެ. ރޭދަންވަރުގެ ނިދީގައިއޮއްވާ ހުވަފެނުން ފެންނަނީ، އައިންތު އާރިފު އޭނާގެ ގެއިން ނުކުމެގެން އައިސް އަޅުގަނޑުމެންގެ ގޭގައި ދިރިއުޅޭ މަންޒަރެވެ. މަންމަގާތުގައި ދަރިއެއްގޮތަށް ޖަވާހިރުވާދީ ގައި އުޅެމުންދާތަނެވެ. އަދި އައިންތު އަޅުގަނޑާއެކު ހުކުރަށް ނުދާންވެގެން އުޅޭތަނެވެ. އަޅުގަނޑު ބޭނުންވަނީ އޭނާގޮވައިގެން ހުކުރަށް ދާށެވެ. އޭނަބޭނުން ވަނީ އަޅުގަނޑު އެކަނި ދާށެވެ. މިހެން މިކަންތައްގަނޑު ތެރޭގައި އުޅެނިކޮށް ސިއްކަގޭ ނަސީމްބެ އެތަނުން ފެނުނެވެ. އާދެ! އައިންތުއަކީ ދިވެހިރާއްޖެއިން އަޅުގަނޑު ރައްޓެހިވި އެންމެފުރަތަމަ ދިވެހި އަންހެން ޒުވާނާއެވެ. ﷲ އަބަދުވެސް އޭނާ އުފަލުގައި ދެދުނިޔޭގައި ވެސް ލައްވާށިއެވެ! އާމީން!


ސިއްކަގޭ މުހައްމަދު ނަސީމް (ނަސީމްބެ) އާ އެކު އަހަރެން އަދި އަންހެނުން ކައިވެނިހަފްލާގައި
ސިއްކަގޭ މުހައްމަދު ނަސީމް (ނަސީމްބެ) އާ އެކު އަހަރެން އަދި އަންހެނުން ކައިވެނިހަފްލާގައި

8 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 290 ވަނަ ދުވަހެވެ. ރޭގައި ހުވަފެނުން ފެންނަނީ، ހ.އާޒާދުވާދީ ޝީޒާ އޭނާގެ މަންމަ ސަޢީދާއާ އެކު އެގޭގައި އަޅުގަނޑު ގޮސް އިންތަނެވެ. ވަރަށް ވާހަކަތައް ދައްކާ ހަދާތަނެވެ. އެގެއަށް ގިނަގިނައިން އައުމަށް ބާރުއަޅާ ސަޢީދާ ވާހަކަ ދައްކަވާތަނެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ.


މިއަދު ހަވީރު، 4:30 ގައި ގެއިން ދޮންދައްތަގެ ސިޓީއެއް ލިބުނެވެ. އޭގެތެރޭގައި ވިދާދުގެ ނޯޓަކާއި ވަހީދުބޭގެ ކުރުސިޓީއެއް އޮތެވެ. ލިޔެފައިވަނީ، 17 ސެޕްޓެމްބަރ 1991 ގައެވެ. މިސިޓީތައް ކިޔާފައި ވަރަށް އުފާވިއެވެ. މިސިޓީތައް ކިޔާފައި ގޭތެރޭގެ މާހައުލް ހިތުތެރޭގައި މުޅިދުވަހު ކަހަލަ ގޮތަކަށް އެނބުރި އެނބުރި ހުއްޓެވެ. މިއަދު އެކީގައިހެން ވެގެންދިޔައީ އުފާވެރި ދުވަހެއްގެ ގޮތުގައެވެ.


9 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 291 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ.


10 އޮކްޓޯބަރ 1991 ވީބުރާސްފަތު ދުވަސް، ޖަލުގައި ހުންނަތާ، 292 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ.


11 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 293 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ.


12 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 294 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. ރޭގެނިދީގައި ފެންނަނީ، މީހަކާއިނދެގެން ކާވެނީގެ ކަންތައްގަނޑު ތެރޭގައި މަޝްޣޫލްވެގެން އުޅޭތަނެވެ. އަތަމާގޭ މުހަންމައިދީ އާއި އެގޭ އިބްރާހީމްދީއާއި އެކުދިންގެ ބައްޕަ އަބްދުއްލަތީފް ފެނުނެވެ. މަޖާ ހުވަފެނެކެވެ.


އަތަމާގެ މުހައްމައިދީ (މުހައްމަދު އަބްދުއްލަތީފް) އާއެކު މައްކާގައި ހައްޖުވެރިންނަށް ކެއުމެއްގެ ތައްޔާރީގައި
އަތަމާގެ މުހައްމައިދީ (މުހައްމަދު އަބްދުއްލަތީފް) އާއެކު މައްކާގައި ހައްޖުވެރިންނަށް ކެއުމެއްގެ ތައްޔާރީގައި

މިއަދުހަވީރު ގެއިން ބައެއްސާމާނު ލިބުނެވެ. ޓައިމްސް މަޖައްލާއަކާއި ނިއޫސްވީކް މަޖައްލާއަކާއި، 14 ސެޕްޓެމްބަރުން ފެށިގެން، 7 އޮކްޓޯބަރާ ހަމައަށް ހަވީރުނޫސް ލިބުނެވެ. އަދި ޖޮގިންކުރުމުގައި ގެންގުޅޭ ހެވީހޭންޑް ގްރިޕްސް އާބެހޭފޮތް ވެސް ލިބުނެވެ. ކިޔާލާނެ އެއްޗެހިތަކެއް ލިބުމުން ވަރަށް އުފާވިއެވެ.


13 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 295 ވަނަ ދުވަހެވެ. މިއަދު ވަރަށް ހެދުނާހެން ކޯޓްނަމްބަރު ހައެކަށް، އަންނި ގެންދިޔައެވެ. ހަވީރުގެނައުމުން އެނގުނީ، ޕާސްޕޯޓްގެ މައްސަލައާ ގުޅިގެން ކަމަށެވެ.


14 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 296 ވަނަ ދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. 9 ނަމްބަރުގޮޅީގައި އޮންނަ ނާސިރު، ނަގައިގަނެގެން، ސިފައިންގެ ޓާސްކްފޯސް ބޭކަލުންގެ ހަމީހަކުވެގެން ޅަބޭ އިސްކޮށް ހުރެގެން ގޮޅިން ނެރެގެން ގެއްދާތަން މިއަދު މެންދުރެއްހާއިރު ފެނުނެވެ. ނާސިރު ބިމުންކަނޑުވާލައި ނަގައިގަނެގެން ގެންދަނީއެވެ. ޓާސްކްފޯސް ކުދިންގެ ތެރޭގައި ނިޔާޒާއި އާދަމާއި މިސްޓަރ ލޮސްޓް (ވަނަމެއް) މިމީހުން ހިމެނެއެވެ. މިއީ އަޅުގަނޑުމެން ބަލަހައްޓަން ތިބޭޓާސްކް ފޯހުގެ ބޭކަލުންނެވެ.


މިމީހުން ގަދަކަމުން ނާސިރު ނަގައިގަނެގެން ގެންދިޔައިރު، ނާސިރު ގަދައަޑުން ހަޅޭލަވާ ގޮވަމުންގެންދިޔައީ މިހެންނެވެ.


“ޅަބޭ މެންނަށް ބޭނުންގޮތެއް ހެދިދާނެއެވެ. އަނދަގޮނޑި ޖެހިދާނެއެވެ. މިބުނަނީ ނޫންހެއްޔެވެ! އަހަރެއް އަމިއްލައަކަށް ނުދާނަމެވެ. ގަދަކަމުން ގެންދެވި ދާނެއެވެ. ގެންދެވުނަސް ވާހަކައެއް ނުދައްކާނަމެވެ. ކަލޭމެން ތިމަންނަ ގެންގޮސް މަރާލާށެވެ.”


މިއީވެސް ތަހުގީގާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ. ނާސިރަކީ ބިންބިފޯހުގެ އެހީގައި މާލޭގައި ހުޅުޖެހި އެކަކު ކަމުގައިވާ އޭދަފުށީ ނާސިރެވެ.


އަދި މިއަދުހަވީރު ވަގުތެއްގައި ސްޓްރެޗަރަކަށް ލައިގެން ޓާސްކްފޯސް ބޭކަލުން ބިދޭސީމީހަކު ޖަލަށް ވައްދަނިކޮށް ފެނުނެވެ. ރަނގަޅަށް ސާފުވިއިރު، މިމީހަކީ، 3 ނޮވެމްބަރ 1988 ގެހަމަލާގައި ބައިވެރިވި ކުލީސިފައިންގެ ތެރެއިން އިސްކޮށް އުޅުނު، ފާރޫގްއޭ ކިޔުނު މީހާއެވެ. މީނާއޮތީ އައިވީ ގުޅާފައެވެ. ހާލުދެރަވެ ވަރުނެތިފައެވެ.


މީނާ ގެނެސް ވެއްދީ، 11 ނަމްބަރު ގޮޅިއަށެވެ. އަދި ފަހުން އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، 18 ނަމްބަރު ގޮޅިއަށް މީނާބަދަލު ކުރިއެވެ. 18 ނަމްބަރުގޮޅި ތެރޭގައިހުރި އެއްޗެހިދޮވެފައި ހިއްކަން އެޅުވުމަށް ގޮޅީގައި ބޭނުންކުރާ ދަނޑިއާއި ފާޚާނާގައި ބޭނުންކުރަން ހުންނަބުރުހާއި ހުރިހާސާމާނެއް ނެރުނެވެ.


މިދަނޑިއޮންނަނީ ގޮޅީގެ ދިގަށް ހުންނަ ދެފާރުގައި ވާ އެއްއާނގައިން އަނެއްއާނގައަށް ދަނޑީގެ ދެކޮޅުވައްދާއި ބާއްވާފައެވެ. ބޭނުންވާ ގަމީސް، މުންޑު ފަދަތަކެތި އެ ދަނޑީގައި އެޅުވޭ ގޮތަށެވެ. ފާރޫގް އޮތީވަރަށް ހާލުގައެވެ. ގާޑަކު ބުނެދިން ގޮތުގައި އޭނާއުޅެނީ ހަންގަރ ސްޓައިކެއް ހަދައިގެން މަރުވާން ބޭނުން ވެގެންނެވެ. 11 ނަމްބަރުން، 18 ނަމްބަރުގޮޅިއަށް ގެންދިޔައިރު ފާރޫގް ގެންދިޔައީ ސިފައިން ބޭކަލުން ހިފަހައްޓައިގެން ހިންގުވާފައެވެ. އޭނާހުރީ ވަރުނެތިގެން ކާލިއަޅާލަ އަޅާލައެވެ. ބޯހުރީވަތަށް ޖެހިފައެވެ. މުޅިހަށިގަނޑު އޮތީ އަރިއަޅާ ލާފައެވެ. ގެންދިޔައީ ފާޑަކަށް ދަމަމުން ކަހަލަގޮތަކަށް އޭނާގެ ދެފައިމަތީގައެވެ. އޭނަޔަކަށް ރަނގަޅަށް ނުހިނގެއެވެ. ސިފައިންގެ 4 ބޭކަލުން ހިފާއްޓައިގެން ތިއްބެވެ.


އިސްކޮށްހުރީ ސިފައިންގެ ބޭކަލެއް ކަމުގައިވާ، ބާބޫ (އިލްޔާސް) އެވެ. މިއީ މީނާއަށް ޖަލުތެރޭގައި ބޭނުންކުރާ ވަނަމެވެ. އިސްކޮށް ފާރޫގް ގެންދިއުމުގައި އެހީތެރިވީ ބާބޫއެވެ. ދެންމެ ދެންމެއަކު ވެއްޓިދާނެހެން ހީވެއެވެ. 18 ނަމްބަރު ގޮޅިއަށް ވެއްދުމުގެކުރިން ގުޅާފައިއޮތް އައިވީ ނައްޓާލިތަން ފެނުނެވެ. އެހާލުގައި ވެސް ފާރޫގް އޮތީ ކީސްބިޑި އަޅުވާފައެވެ. އަދި ސިފައިން ކުއްޖެއްގެ އަތުގައި އިތުރު ކީސްބިޑިއެއް އޮތްތަން ފެނެއެވެ. މިއީ އާންމުކޮށް ޖަލުތެރެއިން ފެންނަ މަންޒަރުތަކެވެ. މިފަދަ އަނިޔާގެ ބުރުތައް ދައުރުވަމުން ތަކުރާރުވާތަން އަބަދުވެސް ފެނެއެވެ.


15 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 297 ވަނަދުވަހެވެ. މިއަދުހެދުނު، 3 ނޮވެންބަރ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި، ފާރޫގު ރީތިކޮށް ފެންވަރުވާ ހަދައިގެން، ހޮސްޕިޓަލަށް ގެންދިޔަތަން ފެނުނެވެ. ކީސްބިޑި ވައްތަރުގެ ބިޑިއެއް އަޅުވާފައި ހުއްޓެވެ. އަދިވެސް އޭނާހުރީ އެއްޗެއްނުކައި، ބޫކްހަޅުތާލުގައެވެ. ހަންގަރ ސްޓަރިކެއް ހަދައިގެން ކަމަށް ގާޑުން ބުނެދިނެވެ. ޖެހި އައިވީތައް ފިޔަވާއެހެން އެއްވެސް އެއްޗެއް އެތެރެހައްޓަށް ނުދާކަމަށް ޚަބަރުލިބުނެވެ.


މިއަދާހަމައަށް، އެއްމަސް ވެދާނެކަމަށް ދޫނިދޫގައި ތިބޭ ސިފައިންގެ ކުދިންގެ ފަރާތުން ޚަބަރުލިބުނެވެ. ފާރޫގުގެ އެދުމަކީ، ބިޑިނައްޓާލާއި ގޮޅިހުޅުވައިދީ، އެހެންގައިދީންނަށް އޮންނަ އިނާޔަތްތަކާއި ލުއިފަސޭހަތައް އޭނާއަށް ވެސް ދިނުމަށެވެ. ހަމަވައިގެ ތެރެއަށް އެހެން ގައިދީން ނެރޭހެން އޭނާއަށްވެސް އެފަސޭކަމާއި ލުއިތައް ހަމަޖައްސައި ދިނުމަށެވެ. މިކަންތައް ނުވެގެން ރުޅިއައިސްގެން ދެކޮޅުހެދުމުގެ ގޮތުންފެށި ބޫކުހަޅުތާލެކެވެ.


ގާޑުން ޚަބަރުދިން ގޮތުގައި އިއްޔެ ހަތަރުދަމު، އޭނާގޮޅީގައި އުޅުނީ، ހެއްދެވިގޮތަށް އޮރިޔާމުންނެވެ. އަދި ހަރުއަޑުން އަވަހަށް މަރާލަދޭށޭ ގޮވަމުން ގެންދިޔަކަމަށް ޚަބަރުލިބުނެވެ. އަދި މިއަދު މެންދުރުފަހު ވަގުތެއްގައި ނާސިރު ނެރެގެން ގެންދިޔަތަން ފެނުނެވެ. ފަހުން އެނގުނުގޮތުގައި ނާސިރު ނެރުނީ، އޭނާގެ ގޭގެމީހުންނާ ބައްދަލު ކުރާށެވެ. ނާސިރު ބުނިގޮތުގައި އޭނާއާ ބައްދަލު ކުރީ އޭނާގެބައްޕައެވެ. އަނެއްކާވެސް ޖަލުން ދުވަހެއް އާދައިގެމަތިން ނިމިގެން ދިޔައީއެވެ.


16 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 298 ވަނަ ދުވަހެވެ. މިއަދު ހެދުނު، ނާސިރު ނެރެ އޭނާ އަތުގައި އަޅުވާފައިއޮތް ބިޑިނައްޓުވާލިއެވެ. ބިޑީގެ އަޒާބުން، ނާސިރު މިއަދު މިންޖުވީއެވެ. އާދަންޒާހިރު އެދިވަޑައިގަނެގެން ބިޑިނައްޓާލަނީކަމަށް ނާސިރަށް އަންގައި އެގޮތުގެ މަތިން އެކަންކުރީކަމަށް ފަހުން ނާސިރު ބުނެދިނެވެ. މިބުރުގައި އޭނާ ބިޑިއެޅުވީ، ކޯޓަށް ނުދާނެކަމަށްބުނެ ގަދަހަދާއި ގަދަކަމުން ގެންދިޔަނަމަވެސް އަނގައިން ނުބުނާނެކަމަށް ބުނެހަޅުތާލު ހެދީމައެވެ.


މިއަދު، 3.30 ގައި ގެއިން ފޮނުވި ކާނާވަށިގަނޑެއް ލިބުނެވެ. ވަރަށް ގިނަވަށްތަރުގެ ކެއުމުގެ ބާވަތްތައް އެޓުކުރީގައި ހުއްޓެވެ. މަޖާއުފާވެރި ދުވަހެކެވެ. އެކަނި ގޮޅީގައި އިނދެގެން ކާންޖެހުނީމާ މާބޮޑުމަޖަލެއް ނުނެގުނެވެ. ގާޑުންގެ އެހީގައި އެހެން އެކުވެރީންނަށް ބަހާހެދީމެވެ. އެކި މީހުންނަށް އެކިދުވަހު ފޮނުވާތީ މިއީރަނގަޅު ކަމެކެވެ. އަންނިއަށް ފޮނުވަނީ އަޅުގަނޑަށް ފޮނުވާ ދުވަހަކު ނޫނެވެ. އެހެންވެ މިގޮތަށް ކާނާބަހާ ހެދުމުން އުފާވެރިކަން އާލާވެ، ހިތްހަމަޖެހުން އެންމެންގެ ތެރޭގައި އިތުރުވެއެވެ. ލޯތްބާއި ކުލުނު އިތުރުވެއެވެ. އެކުވެރިކަން ބަދަހިވެއެވެ.


17 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 299 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަންދުއާއި ބިގޭ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މާލެ ގެންދިއުމަށް ފަހު، އެމީހުންނަށް އެންގީ ޑޮކްޓަރަށް ދެއްކޭނީ މާދަމާކަމަށެވެ. މިއަދު ގެންދަން ޖެހެނީ، ކޯޓަށް ކަމަށް ނުބެ ގެންދިޔައީ ކޯޓްނަންބަރު، 6 ށެވެ. ބޮޑެތި ޓެރަރިޒަމްގެ ހުކުމްތައް އިއްވާލަން ކޯޓަށް ގެންދާގޮތަކީ މިއެވެ. ގެންދަނީ ކޯޓަށްކަން ނާންގާ ވަގަށެވެ. އޮޅުވާލައިގެންނެވެ.


މިހެންހަދާތީ، ނަފްސުދިފާޢު ކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ވަކީލެއް ކީއްކުރަންތޯއެވެ. ކޯޓުގައި ދައްކާނެ ވާހަކައަށް ވިސްނާލާނެ ފުރްސަތު ވެސް ނުދެއެވެ. ރައްޓެއްސެއްގެ ލަފާވެސް ހޯދައެއް ނުލެވެއެވެ. އެމީހުންނާ މިއަދު ދައުލަތުން ދައުވާކުރީ، ސަލްޓަންޕާކް ބޮމުގެ ކަންތަކާއެވެ. ހަމަ މިއަދު، އަބްދުﷲ ސަލީމް ވެސް ކޯޓަށް ގެންދިޔައެވެ. ހަމަ އެމައްސަލައިގައި ދައުވާ އުފުލުމަށެވެ. ސަލްޓަން ޕާކްގައި ގޮއްވާލި ކަޓޫރަބޮމް އުފެއްދުމުގެ މާސްޓަރ އިންޖިނޭރަކީ، އަބްދުﷲ ސަލީމެވެ.


މިބުރުގައި ކުޑަގޮޅީގެ 300 ވަނަ ދުވަސް:


18 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 300 ވަނަ ދުވަހެވެ. އިތުރުކަމެއް ނެތެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. އާދައިގެމަތިން ދިޔަދުވަހެކެވެ. ޖަލުގައި ކޮންމެ ސަތޭކައެއް ހަމަވާ ދުވަހަކީ، ޖަލުހަދާންކޮށް އިތުރުތާޒާކުރުން ތަކެއް ގެންގުޅޭ ދުވަހެކެވެ. އެގޮތުގެ މަތިން މިއަދުވެސް އެކަންކުރީމެވެ. މާޒީއާއި މުސްތަގްބަލަށް ވިސްނާއި ފިކުރުކޮށް ހެދީމެވެ. ﷲއަށް ދަންނަވަން ޖެހޭ ވާހަކަތައް ދެންނެވުމަށް ވަގުތުކޮޅެއް ޚާއްސަކުރީމެވެ.


19 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 301 ވަނަ ދުވަހެވެ. މިއަދު ހަންދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އަނބިކަނބަލުން އާތުއާ ސިފައިންގޭގައި ބައްދަލުކޮށްދިނެވެ.


20 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 302 ވަނަ ދުވަހެވެ. މިއަދުމޫދަށް ގެންދިއުމަށް ނެރެންއައިމާ މޫދަށްއެރޭހިތް ނުވާ ވާހަކަބުނެ މޫދަށް އެރޭކަށް ނުދަމެވެ. މޫދަށް އެރޭހިތް މިއަދުނެތީކަމަށް ބުނެގެން ނުދިޔައީއެވެ. ޚާއްސަވަކިކަމެއް ވެގެންނެއް ނޫނެވެ. މިއަދު މޫދަށް އެރޭހިތް ހަމަ ނުވީއެވެ.


21 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 303 ވަނަ ދުވަހެވެ. އާދައިގެމަތިން ދިޔަދުވަހެކެވެ. ވަކިޚާއްސަ ކަމެއްނެތެވެ.


22 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 304 ވަނަ ދުވަހެވެ. މިއަދު ގެއަށް ދޮންދައްތައަށް ސިޓީއެއް ލިޔުނީމެވެ. އެސިޓީގެއަށް ފޮނުވައިދިނުން އެދި، ޖަލުގެ ސަރުދާރާ ހަވާލުކުރީމެވެ.


23 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 305 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.


24 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 306 ވަނަ ދުވަހެވެ. މިއަދު، ފިރާގް ސަރުދާރާއެކު، އަލަށް ޖަލައި ހަވާލުވާ ސަރުދާރު، ގޮޅިތައް ބައްލަވާލަން ޒިޔާރަތް ކުރެއްވިއެވެ. އަލަށް މިއައި ސަރުދާރުގެ ނަމަކީ، ގާސިމެވެ. އޭރުމީނާ ހުންނެވީ ކޯޕަރެއްގެ މަގާމުގައެވެ.


25 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 307 ވަނަ ދުވަހެވެ. މިއަދު ހަވީރު ވަގުތެއްގައި ސަރުދާރުގެ އެހީތެރިޔަކަށް ކުރިންހުރި އަދުނާނުގެ ބަދަލުގައި އެހެންބޭފުޅަކު އައިސް އުޅުއްވާތަން ފެނުނެވެ. އޭނާގެ ނަމަކީ، ޖަލީލެވެ. މީނާ އަކީ، އެއްފަށުގެ ބޭފުޅެކެވެ. މީނާއަކީ މިހާރު ސަރުދާރުގެ އެހީތެރިޔާއެވެ.


26 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 308 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. އެހެން ޚާއްސަކަމެއް ފާހަގަކުރެވިފައި ނެތެވެ.


27 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 309 ވަނަ ދުވަހެވެ. މިއަދު ހަންދުއާއި ބިގޭ ކޯޓުނަންބަރު، 6 ށް ގެންދިޔައެވެ. ދައުލަތުން ދައުވާކުރައްވާ، ކޮއިމަލާ ލޯންޗުގޮއްވާލި މައްސަލައިގެ ޝަރީޢަތަށެވެ. އެލޯންޗުގެ އަގުދައުލަތަށް ލިބިދޭންޖެހޭ ކަމަށް ދައުލަތުން ދައުވާ އުފުލާފައި ވެއެވެ.


މިދައުވާގައި ވަނީ، ކޮއިމަލާލޯންޗް ގޮއްވާލުމުގައި ބައިވެރިވި، 4 މީހުންގެމައްޗަށް އެމްޓީސީސީން ހުށަހެޅި އަގުކަމުގައިވާ، ތިންލައްކަ ފަސްދޮޅަސް ތިންހާސް އައްސަތޭކަ އެގާރަ ރުފިޔާ ތޭވީސްލާރި މި، 4 މީހުންގެ އަތުން ހޯއްދަވައި ދެއްވުމަށެވެ. މިދައުވާ ކުރަމުން ގެންދަނީ ރާއްޖޭގައި އަލަށް އުފައްދާއި އުފަންކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެހެނަސް މިހާދިސާ ހިންގިއިރު އެގާނޫނަކީ، ވުޖޫދުގައި ނެތްެއެއްޗެކެވެ.


28 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 310 ވަނަ ދުވަހެވެ. މިއަދު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. އާދައިގެ މަތިން ދިޔަ ދުވަހެކެވެ. ކުކުޅުތަކަށް ކާންދިނުމާއި ގޮޅީގައި އޮންނަ އެހެންކަންތަކުގައި ޝާމިލްވެ އުޅުނީއެވެ.


29 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 311 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ.


30 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 312 ވަނަ ދުވަހެވެ. ޚާއްސަ ކަމެއް ނުހިނގާ ދުވަހެކެވެ.


31 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 313 ވަނަ ދުވަހެވެ. ގެއިން ގަވާއިދުން ފޮނުވަމުން ގެންދާ ކާނާވަށިގަނޑު މިއަދުލިބުނެވެ. ވަރަށް އުފާވިއެވެ. މިފަހަރު ޗޮކްލެޓެއް ވެސް އޮތެވެ. އެހާ ދުވަސްކޮށްފައި ޗޮކްލެޓެއް ކާލަންލިބުމުން މީރުކަން ވަރަށް ބޮޑަށް އިހްސާސް ކުރެވުނެވެ. އެތިއެތިކޮޅުން، މަދުމަދުންކައި ހުސްކޮށްލީއެވެ.


ކަމުން ގެންދިޔައިރު ވަރަށް އުފާކުރީމެވެ. އަދި ހިތުގެއަޑިން ދޮންދައްތައަށް ޝުކުރުވެރިވެ އާއިލާއަށް ހެޔޮދުއާކުރީމެވެ. މިއަދު، 8 ނަންބަރު ގޮޅިއަށް ވަނަމަކަށް، “ކިޔަވާ” ކިޔާ މީހަކު ގެނެސް ވެއްދިއެވެ. އޭނާ ބުނާ ގޮތުގައި އޭނާގޮޅިޔަށް ވެއްދުމުގެ ކުރިން އޮރިޔާން ކޮށްގެން މުޅިހަށިގަނޑު އެކުގައިޗެކްކޮށް ބެއްޔެވެ. މިއީ ޑްރަގް އާބެހޭ ގޮތުން ޝައްކުކުރެވޭ ބައެއް މީހުންނާ ދޭތެރޭގައި އަމަލުކުރާ ގޮތެކެވެ. މިކަހަލަ މީހުންގޮޅިއަށް ވެއްދުމުގެ ކުރިން ކުރާކަމެކެވެ.


1 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 314 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ތިރީދަތްޕިލައިގެ މެދު، 4 ދަތް ވެއްޓިގެން އުޅެނިކޮށެވެ. އަދި އޭގެފަހުން ފަތިހާކައިރި ވެފައިވަނިކޮށް ފެންނަނީ، އާދަންޒާހިރާއި މާލޭ އައިނު ކުންފުނީގެ ކޮލިގޭ މޫސަބެއާއި ހައްޖުގެ އަޅުކަމުގެ ދަތުރުތަކުގައި އަޅުގަނޑާއެކުގައި އުޅެމުން ގެންދިޔަ، އަބްދުލް އަޒީޒް (ދަނގަޑުއަޒީ) އެވެ.


އާދަން ޒާހިރުކޮށްގެން އުޅޭ ދާނޫނާއި ގަވާއިދާޚިލާފު ކަމެއްގެ ވާހަކަ އަޅުގަނޑު އޭނާގެގާތުގައި ދަށްކަނިކޮށެވެ. ދެން ފެންނަނީ އަޅުގަނޑަށް ދޭންބަހައްޓާ ފައިހުރި ބަތްތައްޓަކުން ކުކުޅުބިހެއް ނަގައި ކާލަނިކޮށެވެ. މި ހުވަފެނުގެ ތަޢުބީރެއްގެ ގޮތުން އަޅުގަނޑު ނިންމީ، މެދުދަތްތައް ވެއްޓުމަކީ ތިމާގެމީހަކު މަރުވުން ނުވަތަ ގަދަބައްޔެއް ވުމެވެ. އަދި ފަހު ދުވަހެއްގައި އާދަންޒާހިރަށް މީގެ އަސަރުތައް އެހެން ސިފައެއްގައި ފެންނާނެކަމެވެ. އަދި އޭނާގެ އެމަގާމު ގެއްލޭނެކަމެވެ. އަދި އަޅުގަނޑު އެޅޭނީ ކައިބޮއިހަދާއި ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ކަމެވެ.


2 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 315 ވަނަ ދުވަހެވެ. އޮކްޓޯބަރ އަށަކުން ފެށިގެން، ނޮވެންބަރު އެކަކާ ހަމައަށް ހަވީރުނޫސް ބޮނޑިއެއް މިއަދުލިބުނެވެ. ރާއްޖޭގެ ބައެއް ޚަބަރުތައް ލިބުމުން ހިތްހަމަޖެހުނެވެ.


3 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 316 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އާދެ! ދިވެހި ރާއްޖޭގެ ނަސްރުދުވަހެވެ. މިއަދު ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއް އޮތްކަމަށް ގާޑުންބުންޏެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. މޫދަށާއި ކަސްރަތަށްނެރެ، އަދި ވައްދާއިރު ބައެއްގާޑުން ވަރަށްގިނަ ވާކަތައް ބެނެދީ ހަދައެވެ.


6 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 319 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރުއެހެން ކަމެއް ނުހިނގައެވެ.


8 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 321 ވަނަ ދުވަހެވެ. އާދެ! މިއަދަކީ، މަންތިރި މައްސަލާގައި ޖަލަށް ގެނައި ދުވަހަށް ބަރާބަރު އެއްއަހަރު ފުރުނު ދުވަހެވެ. މަންތިރި މައްސަލާގައި ޖަލަށްގެނައީ، 8 ނޮވެންބަރ 1990 ވީބުރާސްފަތި ދުވަހުރޭ، 11:30 ގައެވެ. މިގޮތުން ބެއްޔަސް ޖަލުގައި ހުންނަތާ ބަރާބަރު އެއްއަހަރުވީއެވެ.


މިއަދު، ﷲ އަށް ޝުކުރުގެ ނަމާދެއްކޮށް އަބަދުވެސް ހެޔޮހާލުގައި ސަލާމަތް ބުއްދީގައި ޖަލުގައި ލެހެއްޓެވުން އެދި ދުޢާ ދެންނެވީމެވެ. އަޅުގަނޑު ޖަލުގައި ހުންނަނީ ރޫޙާނީގޮތުން ވަރަށް ހިތްހަމަޖެހި ގެންނެވެ. އުފަލާއި އުންމީދުތަކައި އެކުގައެވެ. ކޮންމެކަމެއްގައި ވެސް، ﷲ އާގުޅުން ބާއްވަމެވެ.


9 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 322 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރު، 5 ޖެހިއިރު ގެއިން ދޮންދައްތަގެ ސިޓީއެއް ލިބުނެވެ. މިސިޓީ ލިޔެފައިއޮތީ، 31 އޮކްޓޯބަރުގައެވެ. ޑިފެންސަށް ލިބުނުކަމަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައިއޮތީ، 4 ނޮވެންބަރ ކަމަށެވެ. މާމަ އުޅުއްވަނީ ވަރަށްބޮޑަށް ބަލިކޮށްކަމަށް ލިޔެފައިއޮތެވެ. އެހެންވެ އަނެއްކާވެސް މާމައާ ބައްދަލުވެލަން އަޅުގަނޑުމެން ހުރިހާކުދިން ވަގުތުކޮޅަކަށް ގެއަށް ގެންދެވޭތޯ ޑިފެންސުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށްލިޔެފައި އޮތެވެ.


އަދި އަޅުގަނޑަށް ވޯރލްޑްރިސީވިން، މަލްޓިބޭންޑް ކުޑަރޭޑިޔޯއެއް ފޮނުވުމަށް ހުއްދައަށް އެދި ފޮނުވިސިޓީއަށް ޑިފެންސުން ޖަވާބު ދެއްވިވާހަކަ ލިޔެފައިއޮތެވެ. ވިދާޅުވެފައި ވަނީ، އަދިއެފަދަ ރޭޑިޔޯއެއް ޖަލަށް ގެންދިއުމަށް ހުއްދަ ދެވެންނެތް ވާހަކައެވެ. އެހެނަސް ވަރަށް އަވަހަށް އެކަމަށް ގޮތެއް ހަމަޖައްސާފައި އެކަމަށް ހުއްދަދެއްވާނެ ކަމަށް ޖަވާބުގައި އޮތްކަމަށް ލިޔެފައި ވެއެވެ.


މިޚަބަރު ލިބިފައި ރޭޑިޔޯއެއް ވަރަށް އަވަހަށް ލިބިދާނެކަމުގެ އުންމީދުއާވިއެވެ. ގާޑަކު ސިއްރުން އެތެރެކޮށްދީފައި އޮންނަވަރަށް ކުޑަކުޑަ ރޭޑިޔޯއެއް މިހާރުވެސް ގޮޅީގައި އަޅުގަނޑު ގެންގުޅޭތީ ރާއްޖެއާއި ބޭރުގެ ޚަބަރުތައް ލިބުމުގައި ދަތިކަމެއް ނެތެވެ. މިގެންގުޅޭ ކުޑަކުޑަރޭޑިޔޯގެ ވާހަކަ ފަހުން ގެނެސްދޭ ނަމެވެ.


11 ނޮވެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 324 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ގެންދިޔައެވެ. އަދި މިއަދަކީ ރަސްމީބަންދު ދުވަހެއްކަން ގާޑުންގެ ފަރާތުން އެނގުނެވެ. ރައީސް މައުމޫނުގެ ޖުމްހޫރީ ވެރިކަމަށް، 14 އަހަރުފުރުނު ދުވަހެވެ.


12 ނޮވެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 325 ވަނަ ދުވަހެވެ. މިއަދަކީ ވެސް ރަސްމީބަންދު ދުވަހެކެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބަންދުކުރާ ދުވަހެވެ.


13 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 326 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި، 17 ނަންބަރު ގޮޅީގައިއޮތް ވިންޓަރ ޝަރީފާއި އެގާރަ ނަންބަރުގައިއޮތް ވާއްޕެ ގާމާދޫޖަލަށް ބަދަލުކުރިއެވެ. ވާއްޕެއަކީ އާދަންޒާހިރު ގެއަށް ޕެޓްރޯލްބޮމެއް އެއްލި ގްރޫޕްގެ މީހެކެވެ. މިދެމީހުންނަށް އިތުރުލުޔެއް ލިބުނީއެވެ. ކުޑަގޮޅިން ސަލާމަތްވެ، އާންމުޖަލަކަށް ބަދަލުވީއެވެ. ގާމާދޫގައި ބައިތިއްބާފައި ތިބެނީއެންމެން އެކުގައެވެ.


14 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 327 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.


16 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 329 ވަނަ ދުވަހެވެ. މިއަދުހަވީރު ގެއިން ފޮނުވާ ކާނާވަށިގަނޑު ލިބުނެވެ. މިގޮތަށް ގެއިންކާނާ ފޮނުވެނީ މަހަކު ދެފަހަރެވެ. 1 ވަނަ ދުވަހާއި، 15 ވަނަ ދުވަހުއެވެ. މިއިންދުވަހެއް ކަޓައިފި ނަމަ، އެފުރުސަތު އެފަހަރަށް ގެއްލުނީއެވެ.


17 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 330 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.


20 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 333 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.


21 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 334 ވަނަ ދުވަހެވެ. މިއަދު ކޯޓް ނަންބަރު، 6 ށް، އަންނި ގެންދިޔައެވެ. ދައުލަތުން ކުރައްވާ، ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރާބޮން ގޮއްވާލިކަން އެނގިހުރެ އެކަން ސިއްރުކުރިކަމުގެ ކުށަށް ދައުވާ ކުރުމަށެވެ. އަދި އަމަންއާންމަށް ގެއްލުންވާފަދަ ވާހަކަދައްކައިގެން އެކަމާ ދައުވާ އުފުލުމަށެވެ.


23 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 335 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރު އެހެން ކަމެއް ނުހިނގައެވެ. ކަސްރަތަށް ބޭނުންކުރަނީ، ޔޯގާގެ ބާވަތްތަކެވެ.


24 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 336 ވަނަ ދުވަހެވެ. މިއަދުގެއަށް ދޮންދައްތައަށް ފޮނުވުމަށް ސިޓީއެއް ލިޔެފައި ސަރުދާރު ގާސިމާ ހަވާލުކުރީމެވެ. މިއަދުގެ ބޯޓުން އެސިޓީފޮނުވައި ދޭނެކަމަށް ސަރުދާރު ގާސިމް ބުނުއްވިއެވެ.


26 ނޮވެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 338 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.


27 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 339 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި، 14 ނަންބަރު ގޮޅީގައިއޮތް ހަލީމް، އަދި 16 ނަންބަރުގައޮއޮތް ޝިޔާމް، އަދި 17 ނަންބަރުގައި އޮތް ޒަހީން، އަދި 4 ނަންބަރުގައިއޮތް ޝާޒުވަލީދު، އަދި 8 ނަންބަރުގައިއޮތް މުހަންމަދު އިބްރާހީމް (ކިޔަވާ) އާއި މިއެންމެން ނެރެގެން ގެންދިޔަތަން ފެނުނެވެ. ލަފާކުރެވެނީ ގާމާދޫޖަލަށް ބަދަލުކުރަން ކަމަށެވެ. ކިޔަވާ އަކީ، ޖަލުތެރޭގައި ވަރަށް މަޝްހޫރު މީހެކެވެ.


ކެރޭކަމަށާއި ނުލަފާކަމަށް އަރާހުންނެވި ބޭކަލެކެވެ. ކިޔަވާ އަކީ މީނާއަށް ޖަލުތެރޭގައި މަޝްހޫރުވެފައި އޮންނަ ވަނަމެވެ. މީނާއަކީ އައްޑޫ ހިސާބުގެ މީހެކެވެ. މިއަދުގެންދިޔަ މީހުންގެ ތެރެއިން ކިޔަވާނޫން އެންމެންނަކީ، އާދަމްޒާހިރުގެއަށް ޕެޓްރޯލް ބޮންއެއްލި ގްރޫޕްގެ މީހުންނެވެ.


މިގްރޫޕްގައި ހިމެނޭ ފ.އަތޮޅު ފިޔަލީ މުހަންމަދު މުސްތޮފާ އޮތީ، 30 ނަންބަރު ގޮޅީގައެވެ. މީނާވެސް މިއަދު ދޫނިދޫޖަލުތެރެއިން ނެރެގެން ގެންދިޔައެވެ. މިއެންމެން ވެސް ޖަލުތެރެއިން ނެރެގެން ގެންދިޔަގޮތަށް އަނބުރާ ނުގެނެއެވެ. ގާޑުންގެ ފަރާތުން ލިބުނު މައުލޫމާތަކީ ވެސް ގާމާދޫއަށް ގެންދިޔަ ކަމަށެވެ.


28 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 340 ވަނަ ދުވަހެވެ. މިއަދުހަވީރު، 7 ނަންބަރުގައި އޮންނެވި އަންނި އެގޮޅިން ނެރެގެން، 9 ނަންބަރުގޮޅިއަށް ބަދަލުކުރިއެވެ. އަދި 9 ނަންބަރުގައި އޮތް ނާސިރު، 7 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. އަދި 1 ނަންބަރު ގޮޅީގައިއޮތް ރިޝްވާން އައްބާސް (ކަރޯއައްބާސް ދަރިފުޅު) 17 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. މިއީ ދޭތެރެ ދޭތެރެއިން ޖަލުގެ މެނޭޖްމަންޓުން ކުރާކަމެކެވެ.


މިކަންކުރަނީ އަޅުގަނޑުމެން އެކަކުއަނެކަކާ އޮންނަ ގުޅުން ކަނޑާލުމުގެ ބޭނުމުގައެވެ. އެހެނަސް މިކަމުން އަޅުގަނޑު މެންނަށް ލިބެނީއާ ހިތްވަރެކެވެ. މިކަންވަނީ އެދެވޭ ރަނގަޅު ކަމަކަށެވެ. މިކަހަލަ ބަދަލުތަކާއެކު އަޅުގަނޑު މެންގެ ގުޅުންތައްދަނީ އިތުރަށް ބަދަހިވެ އިތުރުވަމުންނެވެ. ގިނަފަރާތްތަކާ އެކު ގުޅުން ބަދަހިވެ ވާހަކަދެކެވުން އިތުރުވުމަކަށެވެ. ބުޅާވެސް އެސޮރުގެ ޅަ ދަރިންތައް ހަތްހާއްޔަށް ބަދަލުކުރަނީ އިތުރުތަންތަން ދަސްކޮށް ދިނުމަށާއި އިތުރު ކުޅަދާނަ ކަމާއި ޓެރޭނިންތައް އެސޮރުމެންނަށް ދޭށެވެ. އިތުރު ހުނަރުތައް ދަސްކޮށްދޭށެވެ. ތަފާތު މާހައުލަށް ހޭނުމަށެވެ.


29 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 341 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރު ވަގުތެއްގައި، 7 ނަންބަރު ގޮޅީގައި ކުރިން އޮތް ނާސިރު ޓިނުގޮޅިޔަކުން ނެރެ އެތެރޭގެ ސިމެންތި ގޮޅިއަކަށް އަނެއްކާވެސް ބަދަލުކުރިއެވެ. މިފަހަރު ވެއްދީ، 1 ނަންބަރު ގޮޅިއަށެވެ. ޓިނުގޮޅިތައް ހުންނަނީ މިބައިންބޭރުގައި ބަކަރިކޮށި ވަށައިގެންނެވެ.


30 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 342 ވަނަ ދުވަހެވެ. މިއަދުހެދުނު، 14 ނަންބަރު ގޮޅިއަށް އިބްރާހިމް (ދަތްބުރި) ކިޔާ މީހަކު ގެނައެވެ. މީނާއަށް ޖަލުތެރޭގައި ވަނަމަކަށް ބޭނުންކުރަނީ ދަތްބުރިއެވެ. ގާޑުންބުނަނީ މިފަހަރު މިކަން މިކުރީ ޓިނުގޮޅިތައް އެއްކޮށް ހުސްކޮށް ލުމަށެވެ.


ރާއްޖޭން ބޭރުބަޔަކު ޖަލުބަލަން އަންނާތީ އެގޮޅިތައް ނަގަން އުޅެނީ ކަމަށް އެފަރާތުން ޚަބަރުދިނެވެ. އަދި ރޭގަނޑުވުމުން، 6 ނަންބަރު ގޮޅީގައި އޮތް ރީކޯއިބްރާހީމް މަނިކު، 10 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. ރީކޯ މޫސާގެ ބޭބެ އައި ރައްޓެހިވީ މިތާ ދޫނިދޫ ޖަލުންނެވެ. މޮޅެތި ވާހަކަތައް ކިޔައިދެއްވާ ތޫނުފިލި ބޭފުޅެކެވެ. އަތްބަލާއި ކުރިމަގުބުނެދީ ހައްދަވައެވެ. ރަމަލުޖެހުމާއި ފާލުބެލުން ދަނެއެވެ! އަދި، 10 ނަންބަރު ގޮޅީގައި އޮތް ވިސާމް، 6 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. އަނެއްކާވެސް ބަދަލެއް ގެނައީއެވެ. ކިރިޔާރިޕޯޓެއް ލިބުނަސް އެންމެފުރަތަމަ ކުރާކަމަކީ ގޮޅިބަދަލު ކުރުމެވެ.


1 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 343 ވަނަ ދުވަހެވެ. މިއަދުހަވީރު ވެގެންދިޔައީ އަނެއްކާވެސް އުފާވެރި ވަގުތަކަށެވެ. ގެއިންކާނާ ވަށިގަނޑު ގެނެސް އަޅުގަނޑާ ހަވާލުކުރި ވަގުތަށެވެ. ވަރަށްގިނަ ސާމާނު ހުއްޓެވެ.


2 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 344 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރު އެހެންކަމެއް ނެތެވެ.


3 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 345 ވަނަ ދުވަހެވެ. 345 މިނަންބަރަކީ، މަޖީދިއްޔާ ސްކޫލްގައި އަޅުގަނޑު ބޭނުންކުރުމަށް ލިބުނު ސްކޫލް އިންޑެކްސް ނަންބަރެވެ. މިނަންބަރު ގޮޅީގައި ޖަހާފައި އަބަދުވެސް ބައިންދަމެވެ. އެއީ އަޅުގަނޑުގެ އިންޑެކްސް ނަންބަރަށް ވާތީ، އެނަންބަރުދެކެ ލޯބިން ކޮށްލެވޭ ކަމެކެވެ. ކުޑައިރުން ފެށިގެން މިނަންބަރުދެކެ ލޯބިވަނީ އުފެދިފައެވެ. ހެނދުނު ބޯޓުން މާލެ ދެވޭގޮތަށް ތައްޔާރުވެގެން ހުރުމަށް، ރޭގައި އަޅުގަނޑަށް އެންގިއެވެ. ރެއަކުވަކިކަމެއް ނުބުނެއެވެ. ހެނދުނު އަހާލުމުން ސަރުދާރުބުނީ އެއްޗެއްސާ ނުލާދާގޮތަށެވެ.


މަޖީދިއްޔާސްކޫލްގެ ރޮޕޯޓުފޯމް އިންޑެކްސްނަންބަރު 345
މަޖީދިއްޔާސްކޫލްގެ ރޮޕޯޓުފޯމް އިންޑެކްސްނަންބަރު 345

ހީވަނީ މީހަކާ ބައްދަލުކުރުވަން ހެނެވެ. މާލެ ގެންގޮސް ސިފައިންގޭގެ ވެލްފެއަރ ސެކްޝަންގައި ގަޑިންހެނދުނު، 10:00 ޖެހުމުން އަޅުގަނޑާ ބައްދަލުކުރުވީ ދޮންދައްތައާއެވެ. ގޭގެ ގިނަ ވާހަކަތައް އޮޅުންފިލިއެވެ. މާމަގެ ބަލިރަނގަޅު ނޫންކަމަށް ދޮންދައްތަ ބުންޏެވެ. އަދި އަލީރަޝީދު ކޮއްކޮ ޕްރިސަންސްއާ ހަވާކޮށްފިކަމަށް ދޮންދައްތަ ޚަބަރުދިނެވެ. އަދި މިކަންހިނގީ އިއްޔެކަމަށް ބުންޏެވެ.


އަދި އެއްބަސްވެ ބަޔާނުގައި ސޮއިކުރި ދުވަހުން ފެށިގެން ހުކުމުގައި ހިމެނޭގޮތަށް މުއްދަތުން ކެނޑެމުންދާގޮތަށް ހަމަޖެހުނު ވާހަކަވެސް ބުންޏެވެ. މިވީ ގޮތުން އަލީއަށް ވަރަށްލުއި ލިބުނީއެވެ. ދެން ދުވަސްކޮޅަކު އަރުވާލާފައި ބެހެއްޓުމަށްފަހު ދޫކޮށްލާނީއެވެ. މިވާހަކަތައް ދޮންދައްތަ ކިޔައި ދިނުމުން ވަރަށް އުފާވިއެވެ. ގޭގައި ތިބި އެއްމެންގެ ސަލާމާއި ލޯބި ގެނެސް ދިނެވެ. ޚާއްސަކޮށް މަންމަގެއެވެ.


4 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 346 ވަނަ ދުވަހެވެ. މިއަދު ބިގޭ މާލެ ގެންދިޔައެވެ. ދޮންދައްތައާ ބައްދަލު ކުރުވާށެވެ. އަދި ބިގޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސްވެއެވެ.


5 ޑިސެންބަރ 1991 ވީބިރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 347 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. އަދި ހަންދު މާލެއަށް، ދޮންދައްތައާ ބައްދަލު ކުރުވުމަށް ގެންދިޔައެވެ. އެންމެނާވެސް ހުރީ އެއްވާހަކައެއް ދެކެވިފައެވެ. ވަކިއާ ޚާބަރެއް ނެތެވެ.


7 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 349 ވަނަ ދުވަހެވެ. މިއަދު ގެއިން ބައެއް ސާމާނު ލިބުނެވެ. 2 ނޮވެންބަރުން، 30 ނޮވެންބަރަށް ހަވިރުނޫސް ލިބުނެވެ. 2 މާކަރާއި 1 ގަލަމާއި 1 ފަންސުރުގަލަމާއި 1 ޕެކެޓް އެއަށް ލައްވާފާޑުގެ ދެލި ލިބުނެވެ. އަދި 1 ފުލްސްކޭޕް ސައިޒްގެ ލެޓަރޕޭޑްކާއި ޢަރަބި އިނގިރޭސި ޑިކްޝެނެރީއެއް ލިބުނެވެ. ޑިކްޝެނަރީ ލިބުމުން ވަރަށް ގިނަމަސައްކަތް ކުރިޔަށް ގެންދެވުނެވެ.


އަޅުގަނޑު ޖަލުގައި އިނދެގެން ލިޔަމުން ގެންދާ ނަންފޮތުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ކުރިޔަށް ގެންދެވުނެވެ. ގުރުއާން ބަލައިގެން ނަގާފައިހުރި ގިނަނަންތަކުގެ މާނަކަށަވަރު ކުރެވުނެވެ. އަދި އިތުރުނަންތައް ޑިކްޝެނަރީ ބަލައިގެން އެއްކުރެވުނެވެ. މިހާތަނަށް މިނަންފޮތަށް އެއްކުރެވިފައި ހުރި ނަންތައް، 3000 (ތިންހާސް) އަށް އަރައިފިއެވެ. ބޮޑުފޮތަކަށްވީއެވެ. މިނަންފޮތް އަތުންލިޔެގެން މިހާރުވެސް ބޭނުންކުރަމެވެ. ފަހުން ވަރަށްގިނަ ކުދިންނަށް މިފޮތުން ނަންދީފައި ވާނެއެވެ.


8 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 350 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. 14 ނަންބަރުގައި އޮތް އިބުރޭ (ކާދޫ) މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ފަހަކަށް އައިސް މި އިބުރޭގެ ބުއްދިވަނީ ގޯސްވެފައެވެ. ހިތަށްއެރިހާ އެއްޗެއް ގޮވާހަދައެވެ. ގޮޅީގައި އޮވެގެން ހަޅޭލަވާހަދައެވެ. ދިގުކޮށް ގިނަވާހަކަތައް ކިޔާހަދައެވެ. އަޅުގަނޑު މެންނާއެކު ބަންދުކުރި، 250 ހަކަށް މީހުންގެތެރެއިން، 40 ހަކަށް މީހުންގެ ބުއްދިގޯސްވިއެވެ. މިއީ އޭރު ސިފައިން ޖަލުގައި ކުރި ޖިސްމާނީ އަދި ނަފްސާނީއަނިޔާތަކުގެ އަސަރުން ވީކަމެކެވެ!


އެކުދިންނަށް މިކަން ދިމާމިވީ ކަނޑައެޅިގެން ކޮންސަބަބަކާ ހެދިކަމެއް ހަގީގަތުގައި ބުނެދޭކަށް ނޭނގެއެވެ. އެހެނަސް އެއީ ޖަލަށް ގެނައުމުގެ ކުރިން ރަނގަޅަށް ތިބި މީހުންނެވެ. ހިތްވަރުބަލި ކުރުމަށާއި ފިނޑިކުރުމަށް ފާޑެއްގެ ކުނޑިއެއް ސަޔާއެއްކޮށްފައި ބޯންދޭކަން ފާހަގަކުރެވިފައި ވެއެވެ.


މިއީ މީހާ އަވަހަށް ފިނޑިކޮށްލުމަށާއި ހިތުޖައްސާލުމަށް ބޯންދޭ އެއްޗަކަށް ވެއެވެ. ސޯވިއޭޓް ޔޫނިއަންގެ ޖަލުތަކުގައި މިފަދަކުނޑިތައް ބޭނުންކުރާކަމުގެ ޚަބަރުލިބިފައި ވެއެވެ. އަޅުގަނޑަށް މިފަދަ ޝައްކެއް ކުރެވުމުނު ދުވަހުން ފެށިގެން، އޭގެ ފަހުން ސައިބޮނީ ހޫނުފެނާއި ސައިފަތް ވަކިން ގެނެސް ދިނީމައެވެ. ގިރައިގެން ގެނެސްދީ ފިއްޔާ އަނބުރާ ފޮނުވާލަނީއެވެ. ނޫނީ އުކާލަނީއެވެ.


9 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 351 ވަނަ ދުވަހެވެ. މިއަދަކީ ހުރަވީދުވަސް ކަމުން ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. ހުރަވީދުވަހަކީ ހިޖްރީކަލަންޑަރުން ޖުމާދަލްއާޚިރާ މަހުގެ، 3 ވަނަ ދުވަހެވެ. މާލެ ގެންދިޔަ އިބުރޭ ހަވީރުމާލެ ގެނެސް، 14 ނަންބަރު ގޮޅިއަށް ވެއްދިތަން ފެނުނެވެ. މީނާއެއްރޭ މާލޭގައި ބަހައްޓާފައި ތަންކޮޅެއް ރަނގަޅު ވީމާ ޖަލަށް އަނބުރާ ގެނައީއެވެ.


11 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 353 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. މ.ދިލޭރާމުގޭ އަބްދުލް ހަންނާނަށް، 3 އަހަރު ދުވަހަށް ޖަލަށް ލުމަށާއި 1 އަހަރު ދުވަހަށް އަރުވާލުމަށް ހުކުމްއިއްވައި ޖަލުގެހުކުމް ތަންފީޒުކުރުމަށް ޖަލަށް ގެންދިޔަ ޚަބަރު މިއަދު ލިބުނެވެ. މިއީ ހެރިންސް ހަންނާނެވެ. ގެންދިޔައީ ގާމާދޫޖަލަށެވެ.


12 ޑިސެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 354 ވަނަ ދުވަހެވެ. މިއަދު ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރު ގެނައެވެ.


13 ޑިސެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 355 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.


14 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 356 ވަނަ ދުވަހެވެ. ބޮޑުސައްޕެއަށް މިއަދު، 11 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. އަލަށް އެކުލަވާލެވުނު ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. އަދި މިއަދު ހަންދު މާލެއަށް، ހޮސްޕިޓަލަށް ގެންގޮސް އަދި ޖަލަށް އަނބުރާ ގެނައެވެ.


15 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 357 ވަނަ ދުވަހެވެ. މިއަދުވެސް ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރު އޮންނަ ބޯޓުން، 14 ނަންބަރު ގޮޅީގައިއޮތް އިބުރޭ "ކާދޫ" މާލެ ގެންދިޔައެވެ. ނުގެންނަގޮތަށެވެ. ހީވަނީ ގާމާދޫޖަލަށް ބަދަލުކުރީ ހެންނެވެ.


16 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 358 ވަނަ ދުވަހެވެ. މިއަދު ގެއިންފޮނުވާ ކާނާވަށިގަނޑު ލިބުނެވެ. ވަރަށް ގިނަސާމާނު ހުއްޓެވެ. ކައިރި ގޮޅިތަކަށް ބައެއް އެއްޗެހި ބެހީމެވެ.


17 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 359 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.


18 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 360 ވަނަ ދުވަހެވެ. ކުރީ ދެ ދުވަހާއެކު މިއަދުވެސް ވަރަށް ވިއްސާރައެވެ. މިއަދު އާދަޔާޚިލާފަށް ގަދަދުވަހެކެވެ. ވިއްސާރަބޯކޮށް ވެހުނު ދުވަހެކެވެ. މިއަދު ހަންދު އަންހެނުންނާ ބައްދަލުކުރަން މާލެއަށް ގެންގޮސްފައި ގެނައެވެ. އަދި އަބްދުﷲ ހުސައިނަށް މިއަދު، 6 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. މިހާރު އެއެންމެން ތިބެނީ، ގާމާދޫގައި އެއްގޮޅިއެއްގައި ކަމަށްވެސް ޚަބަރުލިބުނެވެ.


19 ޑިސެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 361 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.


21 ޑިސެންބަރ 1991 ވީހޮނޮހިރު ދުވަސް، ޖަލުގައި ހުންނަތާ، 363 ވަނަ ދުވަހެވެ. މިއަދު ކަސްރަތަށާއި މޫދަށް ނެރުނެވެ. އިތުރަށް ވަކިން ޚާއްސަކަމެއް ނުހިނގައެވެ.


22 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 364 ވަނަ ދުވަހެވެ.


އަޅުގަނޑަށް ފެނުނު އާދަޔާޚިލާފު ހުވަފެނެއްގެ ވާހަކަ:


ރޭގައި ވަރަށް އާދަޔާޚިލާފު ހުވަފެނެއް ފެނުނެވެ. މިހުވަފެން ފެނުނީ، ފަތިސްނަމާދުގެ ކުރިންނެވެ. ފެންނަނީ ހެންވޭރު ބޯޅަދަނޑަށް މުޅިރައްޔިތުން އެއްވެފައި އޮއްވައެވެ. އަޅުގަނޑުވެސް އެމީހުންގެ ތެރޭގައި ނަގާކިޔަން ހުރީމެވެ. އެތާނގައި ހުއްޓާ ފެންނަނީ،  އުޑުމަތީގައި ރީތިކޮށް ދެއިރުހުރެފައި ދެއިރުކާރިވަމުން އައިސް އެއްއިރު އަނެއްއިރައި ޖެހި އަނދިރިވެގެން ގޮސްފައި އެއްއިރު ވެއްޓުނީ، މާލޭން ބޭރަށް ކަނޑަށެވެ. އަނެއްއިރު ވެއްޓުނީ، ބޯޅަގޭގެ އުތުރުދޮރާ ދިމާއަށެވެ. އެއީ މަޖީދިއްޔާ ދުވަސްވަރު ކުޅެންދާ ދަނޑެވެ!


ސްކޫލްކުއްޖަކު އެވެއްޓުނު އިރުގައި ފައިންޖެހީއެވެ. އެކުއްޖާ އެއިރުގައި ކޮޅުފައިން ޖެހުމުން އެއްބައި ތެޅިފައި އޮއްވާ، އަޅުގަނޑު އެއިރު ނަގައިގެން ގެނައީ ބޯޅަގޭގެ ތެރޭގައި ޖަހާފައިހުރި ފޭލިގެއަކަށެވެ. އެފޭލިގޭ ތެރޭގައި ތިއްބެވީ، ދިވެހި ހައްޖުވެރިންގެ ބޮޑުން ކަމުގައިވާ، އަތަމާ އަބްދުއްލަތީފާއި އޮގަރު މުހަންމަދުފުޅާ ދިއްދޫ އިބްރާހީމް ކަލޭފާނެވެ. މިބޭފުޅުން ތިއްބެވީ ހައްޖާގުޅޭ ކަމެއްގައި މަޝްވަރާކޮށް ވާހަކަ ދަށްކަވާށެވެ. ވެގެން މިއުޅޭގޮތް އެތިން ބޭފުޅުންނަށް އަޅުގަނޑު ކިޔައިދިނުމުން އަބްދުއްލަތީފު ވިދާޅުވިއެވެ.


ތިޔައީ އެއްވެސް ކަމެއްނޫނެވެ. ބިރުނުގަންނާށެވެ! އިރުގެ ކިތަންމެކުޑަ އެތިކޮޅެއް އޮތަސް، އެއެތިކޮޅު ސަލާމަތުން އޮތިއްޔާ އަލުން އިތުރުއިރެއް އުފެދޭނެއެވެ. މިފަދައިން އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ. އެއްވެސް ބިރެއްނެތެވެ! އެއްގޮތަކަށް ވެސް ބިރުނުގަންނާށެވެ! ދެން ހަމައިސާހިތަކު އަވިދޭން ފަށައިފިއެވެ. އެއަވީގެ ހިޔަނިވެސް ހުންނަތަން ފެންނަން ފަށައިފިއެވެ. އެންމެން އުފާވެރި ވެއްޖެއެވެ. މުޅިރައްޔިތުން އުފަލުން ހިނިތުން ވެއްޖެއެވެ.


މިހުވަފެނާމެދު އެކިގޮތްގޮތަށް ވިސްނަން ވަރަށް ގިނައިރު އެނދުމަތީގައި އޮތީމެވެ. މެންދުރާ ހަމައަށް ވެސް މިހުވަފެނުގެ ހަނދާނާއި ވިސްނުމުގެ ތެރޭގައި ފުންކޮށް އުޅެން ޖެހުނެވެ. ހުރިހާގޮތަކަށް ވިސްނުމަށް ފަހު، ހިތުތެރޭގައި ގެންގުޅެވުނު ތަޢުބީރަކީ މިއެވެ. ބޭރަށް ވެއްޓުނު އިރާ، ޑޮކްޓަރ ވަހީދު ފުރައިގެން ރާއްޖެދޫކޮށް ވަޑައިގަންނަވަން ޖެހުނު ކަންތައްތަކާ ގުޅުމެއް ވާކަމަށް ވިސްނުން ގެންގުޅެވުނެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ މިހުވަފެނާ ގުޅުވައިގެން ވިސްނުންތަކެއް ގެންގުޅެވުނެވެ.


ރައްޔިތުން ތެރެއަށް ވެއްޓުނު އިރަކީ، ސިޔާސީގޮތުން އަޅުގަނޑު މެންނަށް ކުރިމަގުގައި ލިބޭނެ އުޖާލާއަލިކަމެއް ކަމުގައި ނިންމީމެވެ. އަވިދީފައި ހިޔަނި ކުރުމަކީ ކާމިޔާބުކަމުގައި ނިންމީމެވެ! ހިތްވަރު އާލާކުރުމަށް މިހުވަފެނުގެ ތަޢުބީރުން އަޅުގަނޑަށް ބައިވަރު ފިލާވަޅުތައް ލިބުނެވެ.


އަތަމާ އަބްދުއްލަފީފާއި އޮގަރު މުހަންމަދުފުޅާއި ޑީއައިކޭ އާއެކު، އަޅުގަނޑުމެން ފޭލިގޭތެރޭގައި ތިބުމަކީ، ޢަރަފާތުބިމުގައި އަޅުގަނޑުމެން އެކުގައި އެކިފަހަރުމަތިން އުޅެވިފައިވާ ދުވަސްތަކާއި ދުޢާތަކާ ގުޅުވާލެވޭނެ މަންޒަރެކެވެ. ކުރިމަގު އުޖާލާކަމުގެ ދަލީލެކެވެ. މިބޭފުޅުންނަކީ އަޅުގަނޑު ބައްޕައިން ކަމުގައި ގަބޫކުރާ މާތްބޭފުޅުންނެވެ.


މިއަދު އަންނި މާލެ ގެންދިޔައެވެ. ބައްޕައާއި މަންމައާ ބައްދަލުކުރުމަށެވެ. ހަވީރު ވަގުތެއްގައި، 14 ނަންބަރުގޮޅިއަށް ޑްރަގް މައްސަލަ އެއްގައި ސައުދުﷲ ކިޔާމީހަކު ގެނައެވެ. އަދި، 12 ނަންބަރު ގޮޅިއަށް، މީހަކުމަރާލާއި ވަޅިއަކުން އޭނާގެ ދޫބުރިކޮށްލާއި ހަށިގަނޑުގެ އެކިތަންތަނަށް ވަޅިހަރާހަދައިގެން، 17، 18 އަހަރަށްދާ ވަރުގެ ކުއްޖެއް ގެނެސް ލިއެވެ. މިއީ ގާޑުންދިން މައުލޫމާތެވެ.


23 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 365 ވަނަ ދުވަހެވެ. މިއަދަކީ، ސަލްޓަންޕާކްގައި ގޮއްވާލިކަޓޫރަ ބޮމުގެ މައްސަލާގައި ޖަލަށް ގެނައިތާ ބަރާބަރު އެއްއަހަރު ފުރުނު ދުވަހެވެ. ކުރީރޭގެ ހުވަފެނާ ޖަލުގައި އަހަރެއް ވީކަމާއި މިހުރިހާ ކަމަކާ ވިސްނާއި ފިކުރު ކުރުމުގައި މިއަދުގެ ގިނަވަގުތު ހޭދަކުރެވުނެވެ.


ކުރެވުނު ބައެއް ފިކުރުތައް ލިޔެހެދީމެވެ. އަޅުގަނޑުމެންގެ ސިޔާސީ ކުރިމަގު އޮތީވަރަށް އުޖާލާކޮށްކަމަށް ނިންމާއި ހިތްވަރު އާލާ ކުރީމެވެ. މިވާހަކަތައް ހިއްސާކޮށް އަންނިއާއި ސައްޕެއާއި އަޅުގަނޑުމެން އެންމެން ހިތްވަރު ލިބިގަތީމެވެ. އަޅުގަނޑުމެން އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ހިތްވަރުގަދަކޮށް ދެއްވުމަށް، ﷲއަށް ދުޢާ ދެންނެވީމެވެ.


24 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 366 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ގެއަށް ސިޓީއެއްލިޔެ ފޮނުވައި ދިނުމަށް އެދި ސަރުދާރު އަތަށް ދިނީމެވެ.


28 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 370 ވަނަ ދުވަހެވެ. 25، 26، 27 ދިޔައީ އެއްވެސް ކަމެއް ނެތިއެވެ. ހަމަގޮޅީގައި ތިބީއެވެ. ކްރިސްމަސް ދުވަސްތަކައް ވީމާކަމަށް ވެދާނެއެވެ. އެހެނަސް މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. އަދި ހަވީރު ގެއިން ސިޓީއެއް ލިބުނެވެ. ވިދާދު، އިފު، އިދުގެ ސިޓީހުއްޓެވެ. ދޮންދައްތަގެ ސިޓީވަރަށް ދިގެވެ. މިސިޓީތައް އެއްފަހަރާ ލިބުނީމާ ވަރަށް އުފާވިއެވެ.


ފަހަރަކު ސިޓީއެއް ކިޔުމުގައި އެތައްއިރެއް ދުއްވާލީމެވެ. އަދި އަޅުގަނޑު އެންމެ ކުރީކޮޅުގައި ގެއަށް ފޮނުވި ބައެއް ސިޓީ އަނބުރާ އަޅުގަނޑަށް ފޮނުވާފައި އޮތެވެ. އެއީ އަޅުގަނޑު އެގޮތަށް އެދިގެންނެވެ. އެސިޓީތައް ނައްތާނުލާއި އެއްލާނުލަނީސް ރައްކާކޮށް އަހުރެން އަތުގައި ގެނގުޅުމުގެ ވިސްނުމުގައެވެ. މިހާރުވެސް އެސިޓީތައް އަޅުގަނޑު އަތުގައި ރައްކާކޮށްފައި ހުންނާނެއެވެ. އަދި ގެއަށް ދެވުމުން ދެން ހުރި ސިޓީތައް ލިބުނެވެ. އެކަންކުރީ އަޅުގަނޑުގެ ބައެއް ލިޔުންތަކުގައި އެސިޓީތައް ބޭނުންކުރުމުގެ މަގްސަދުގައެވެ. މިއަދު މިހާ ފުރުހަމަކޮށް ޖަލުގެ ވާހަކަތައް މި ލިޔެވެނީ އެހެންވެގެންނެވެ.


31 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 373 ވަނަ ދުވަހެވެ. 29، 30 މިދެދުވަހު ޚާއްސަކަމެއް ނެތެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. 14 ނަންބަރު ގޮޅީގައިއޮތް، ސަޢަދުﷲ ގެންގޮސް، 4 ނަންބަރު ގޮޅިއަށްވައްދާއި، 14 ނަންބަރު ގޮޅިއަށް ވަރަށްވަރުގަދަ ކޮށްހުރި ޖަރުމަނު ވިލާތުގެ މީހަކު ޗޭނުބިޑި އަޅުވައިގެން ގެނެސް ވެއްދިއެވެ. ގޮޅިއަށް ލީފަހުން ވެސް މީނާއަށް ވަރަށް އަހުވާދައްކާ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. މީނާކޮށްގެން އުޅޭ ވަކިކަމެއް އޮޅުމެއް ނުފިލިއެވެ.


މިރެއަކީ، އާ އަހަރެއް ފެށޭ ރޭ ކަމާއި އެކަމުގެ އުފާއެންމެން ހާސިލުކުރާ ރޭކަން އަބަދުވެސް ހަނދާނުގައި ހުއްޓެވެ. ހިތްވަރު ވަރުގަދަކޮށް އާޢަޒުމްތަކާއެކު އުފާކޮށްލަކޮށްލާ، ﷲއަށް ޝުކުރު އަދާކުރުމުގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. އާ އަހަރުގެ ހެޔޮއެދުން ތަކާއެކު ނިދުނީ، ރޭގަނޑު ބާރަޖެހި ފަހުންނެވެ. މިފެށުނީ ޖަލުގައި ހޭދަކުރާ އާއަހަރެކެވެ.


ދޫނިދޫ ކުޑަގޮޅީގައި، 374 ދުވަހަށް ފަހު ގާމާދޫޖަލަށް ބަދަލުކުރުން:


މާދަމާއަކީ، 1992 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ. އަދި ރޭގެނިދުމުގެ ކުރިން ސަރުދާރު ދުރުވެ މާދަމާ މެންދުރު، 12 ޖަހާއިރަށް އަތުގައި ހުރި ތަކެތިޕެކްކޮށްގެން ތައްޔާރަށް ހުރުމަށް އެންގިއެވެ. މާދަމާ ގާމާދޫޖަލަށް، ކ.ހިންމަފުއްޓަށް ގެންދިއުމަށް ހަމަޖެހިއްޖެ ކަމަށް ބުނެދެއްވިއެވެ. ދޫނިދޫ ކުޑަގޮޅީގެ، ބައި މިއަދާހަމައިން މި ނިމެނީއެވެ. ގާމާދޫއަށް ބަދަލުވާ ދުވަސް އެނގުނީއެވެ.


ތައްޔާރުވެގެން ތިބެން އެންގި މީހުންނަކީ، އަޅުގަނޑާއި ސައްޕެ އާއި ވިސާމާއި ނާސިރާއި ހީރޯއާއި އަލިފާނުގެ މައްސަލާގައި ބަންދުގައި ހުރި އިބުރޭ "ކާދޫ" އަށެވެ. އިބުރޭ ހުންނަނީ ބޯގޯސްވެފައެވެ. މަޖާވާހަކަ ދެއްކުމުގައި ގިނަވަގުތު ހޭދަކުރެއެވެ. ރޭގަނޑުތަށިދުއްވުމާއި މިކަހަލަ އެތައްކަމެއް މި އިބުރޭ ކުރެއެވެ. ރޭގަނޑު އުޅެނީ ނުނިދައެވެ! ވިސާމާއި ނާސިރާއި ހީރޯއަކީ ވެސް ބިންބިފޯހުން ބުނެގެން މާލެތެރޭގައި ބޮޑުހުޅު - 1990 ގެ އަލިފާން ރޯކުރި މީހުންނެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުވާއިރު މީހާ އާއި ތަކެތި ޗެކްކުރާނެކަން އެގުމުން ވަރަށް ކަންބޮޑުވިއެވެ.


އަޅުގަނޑު ގެންގުޅޭ ސާމާނުތައް ސިފައިންނަށް ނުފެނި، ގާމާދޫ ޖަލަށް އެތެރެކުރާނެ ގޮތަކާމެދު ވަރަށް ފިކުރުކޮށް ގޮތްތަކެއް ރާވާ ނިންމީމެވެ. އަތުގައި ނުރައްކާ އެއްޗަކަށް ހުރީ، ދެމޮހޮރަކާއި ވަރަށްކުޑަކުޑަ ރޭޑިޔޯއަކާއި އެރޭޑިޔޯގެ ޗާޖަރަށް ލައްވާ ވޯކީޓޯކީ އޭއޭ ސައިޒުގެ، 4 ބުރި ބެޓެރީއެވެ. އަދި ވާގަނޑެއްލީ ކުޑަކުޑައިޔާރިންގެކެވެ. މިކުޑަކުޑަރޭޑިޔޯ ޖަލުގައި ހުރެގެން ހޯދިގޮތުގެ ވާހަކަ، 1 ޖެނުއަރީ 1992 ދުވަހުގެ ބައިގައި ވަރަށް ތަފްސީލުކޮށް ގެނެސް ދޭނަމެވެ. އެބައި ފަށާނީ، އެވާހަކަތަކުންނެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page