ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (6 ވަނަބައި)
*އަލަށް އުފެއްދި ޓެރަރިޒަމް ގާނޫނުގެ ދަށުން އަންނިއަށް ޓެރަރިޒަމްގެ ހުކުމް ކުރުން:
*ފާހަގަކޮށްލެވޭ ހުވަފެނެއް:
*ސަރުކާރާއި ސިފައިންގެ ވަފުދެއް ޖަލަށް ޒިޔާރަތް ކުރުން:
*ޖަލުތެރެއިން ރޭވުނު މަޅިއެއްގައި ޖެހި ނުސީދާމަގުން ގެއަށް ފޮނުވި ސިޓިއެއްގެ ތަހުގީގު:
*ޖަލުގައި ސައްޕެ އަނބުރައިގަތުން:
*އަންނި ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރި ވާހަކަ:
*ޖަލުގައި ހޭދަކުރާ، 2 ވަނަ އުފަންދުވަސް:
*ޖަލުގައި، 500 ވަނަ ދުވަސް:
*ގައިދީއަކު ލަކުޑިން ހެދި ކުޅޭކުޅޭބަޑިއެއް ޖަލުއޮފީހަށް ގެންދިއުން:
*އަމަލީގޮތުން އުޅުނު އެންމެން ބަންދު ވިޔަސް އިސްލާހީ ހަރަކާތް މެދުނުކެނޑި ކުރިޔަށް ދިޔަގޮތުގެ ވާހަކަ:
*ޖަލަށް އިރުވާހުދެއް ލިބުން:
*ޖަލުގައި، 600 ދުވަސް ހަމަވުން:
*ޖަލަށް ތޭރަވައެއް ލިބުން:
*ކުވޭތުރަސްގެފާނު މޫދަށް ވެއްޓިވަޑައިގަތް ޚަބަރު ޖަލަށްލިބުން:
އަލަށް އުފެއްދި ޓެރަރިޒަމް ގާނޫނުގެ ދަށުން އަންނިއަށް ޓެރަރިޒަމްގެ ހުކުމް ކުރުން:
14 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 478 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި ކަރޯއައްބާސް ދަރިފުޅު ރިޝްވާން އައްބާސް އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. ގެނައީ ދޫނިދޫ ޖަލުންނެވެ. އަންނި އާއި ބިގޭ އަދި ހަންދުގެ ޚަބަރުތައް މުޅިން ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. ރިޝްވާނު ބުނެދިންގޮތުގައި އަންނިއަށް އިއްވިހުކުމަކީ އަޅުގަނޑަށް ވެސް އިއްވިހުކުމެވެ. ސަލްޓަންޕާކްގައި ހަންދުމެން ގޮއްވާލި ކަޓޫރަބޮން، ގޮއްވާލިކަން އެނގިހުރެ ނާންގައިގެން އިއްވި ހުކުމެވެ. މުއްދަތަކީ ތިންއަހަރު ދުވަހަށް ޖަލަށްލުމެވެ.
އަދި އިތުރަށް ދިހަމަސް ދުވަހުގެ ހުކުމެއް، ޖަލަށްލުމަށް އިއްވިކަމަށް ރިޝްވާނު ބުންޏެވެ. އެއީ އޮސްޓްރޭލިޔާ ރޭޑިޔޯއަށް ޕްރިސަންސްގެ ބެލުމުގެ ދަށުގައި ހުންނަވައިގެން ދެއްވި އިންޓަރވިއޫއަކާ ގުޅިގެން އިއްވި ދިހަމަސް ދުވަހުގެ ޖަލުގެ ހުކުމެކެވެ. މިއީ ބަންދުގައި ހުންނަވައިގެން އަންނި ދެއްވި އިންޓަރވިއޫގެ ބަދަލުގައި ކުރި ހުކުމެވެ. މި ދެހުކުމު އިއްވީ އެއްދުވަހަކު ކަމަށް ވެއެވެ.
ރިޝްވާނު ފަރާތުން އަންނި އަދިވެސް ހުންނެވީ ދޫނިދޫގައިކަން ސާފުކޮށް އެނގުނެވެ. އަދި އަންނި ހުންނެވީ ތަހުގީގު ކުރާ ބައިގައި ހަދާފައި ހުރި ކޮޓަރިއެއްގައި ކަންވެސް އެނގުނެވެ. ހުކުމް އިއްވުމަށްފަހު ކުޑަގޮޅިން ނެރުނީއެވެ. ބިގޭއާއި ހަންދުގެ ހާލުވެސް ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. އަދި އެދެމީހުންނަށް ހެދުނު، 6 އަކުން ހަވީރު، 6 ކަށް ކުޑަގޮޅިން ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ލުއިދެއްވާފައި ވާކަމަށް ރިޝްވާނުގެ ވާހަކަތަކުން އެނގުނެވެ.
އަދި އެގަޑީގައި ހުންނަނީ ކުޑަގޮޅީގެ ދޮރުހުޅުވާފައެވެ. އެކަމަކު އުޅެންޖެހެނީ އެހިސާބުގައެވެ. ގޮޅިދޫކޮށް މާދުރަށް ނުދެވޭ ގޮތަށެވެ. މިއީ ހުކުމް އިއްވުމުންދޭ ލުޔެކެވެ. މިހެން ހަދަނީ ބޭރުދުނިޔެއިން ނުވަތަ އާއިލާއިން ސުވާލުކޮށްފިއްޔާ މިހާރު ހުންނަނީ، ވަކިންބަންދުކޮށް ކުޑަގޮޅިޔަށް ލާފައި ނޫންކަމަށް ބުނުމަށް ކުރާ ކަމެއްގެ ގޮތުގައެވެ.
15 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 479 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ދެން އިތުރުޚާއްސަ ކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.
16 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 480 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ސައްޕެއާ ދެމީހުންގެ ގޭގެމީހުން ގާމާދޫއަށް އެދެމީހުންނާ ބައްދަލުކުރުމަށް އައެވެ. މިކަން ހިނގީ އުނދޯލިގޭގައެވެ. ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު އެންދެރިމާގޭ އައްބާހަށް ދަންނަވައިގެން ސިޓީއެއްލައިގެން ހަންނާނު ވަރަށް އަވަހަށް މާލެ ގެންދާނެކަމަށް އޭނާގެ ބައްޕަ އޭނާގާތުގައި މިއަދު ބުނެ ދެއްވިއެވެ. އަދި ވަރަށް އަވަހަށް މާލެގެންގޮސް ދޫކޮށްލާނެ ކަމަށް ހަންނާނުގެ ބައްޕަ އޭނާގާތުގައި މިއަދުގެ ބައްދަލުމުވުގައި ބުނެދެއްވިއެވެ.
ފާހަގަކޮށްލެވޭ ހުވަފެނެއް:
17 އޭޕްރިލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 481 ވަނަ ދުވަހެވެ. ހެދުނުސަޔަށް ފަހު ނިދާފައި އޮއްވާ ފެނުނު ހުވަފެނަކީ، މާލެގޮސް ހޮސްޕިޓަލަށް ދިއުމުގެ މަގުމަތީގައި ގޯގޯލަފީފުގެ އަންހެނުން ކުޑަކުއްޖެއް ގޮވައިގެން ވޭނެއްގައި ދަނިކޮށެވެ. އެމަންޒަރު އަޅުގަނޑަށް ފެނުމުން ކަނާއަތުގެ ބޮޑުވައިއިނގިލި ހިއްލާލައި ތަންބްސްއަޕް ހަދާލާފައި ކިހިނެތްތޯ ހާލުއަހުވާލު އަހާލާ މަންޒަރެވެ. ދެން އެތަން ޕްރިސންސްގައި އުޅުއްވާ ރަންކޮކާ ރަޝީދަށް ފެނިގެން އެ މައްސަލަ ޖެހި، ހަމަ އެވަގުތު އަޅުގަނޑު މަޑުކުރުވާ އެ ސުވާލުކުރައްވައި އެތަހުގީގު ކުރައްވާތަނެވެ.
އެކަންތައް ބޮޑު މައްސަލައަކަށް ހައްދަވައިގެން ރަންކޮކާ ރަޝީދު އަޅުގަނޑާ ގިނަ ސުވާލުތަކެއް ކުރައްވާ މަންޒަރެވެ. ބޮޑުކަންތައް ގަނޑެއްގެ ގޮތުގައި ރަޝީދު މިތަހުގީގު ކުރައްވާތަނެވެ. ދެން މިތަހުގީގުގެ ކަންތައް ބުރެވިމާގޭ މުހަންމަދު ޒާހިރަށް އެނގިވަޑައި ގަންނަވައިގެން އަޅުގަނޑައި އެހާބޮޑަށް ސުވާލު ނުކުރުމަށާއި އެކަމަކީ، ބޮޑުކަމަކަށް ނުހެއްދެވުމަށް ރަންކޮކާ ރަޝީދަށް، ޒާހިރު ދަންނަވައިގެން އުޅޭ މަންޒަރެވެ.
އަދި އެހެންގެއެއްގެ ތެރޭގައި އަޅުގަނޑު އިނދެގެން މަޖަލަށް ދެއްކި ވާހަކަތަކެއް ކޮންމެވެސް މީހަކު ޝަކުވާކޮށް ޕްރިސަންސަށް ލިޔެގެން އެކަމާވެސް ރަޝީދު، އިތުރަށް ސުވާލުކުރައްވަމުން ގެންދަވާތަން ފެނުނެވެ. މިކަންތައްގަނޑު ނިމިގެން ގެއަށްދަނިކޮށް ހޭލެވުނީއެވެ. މި ހުވަފެނުގެ ތައުބީރު ވަރަށް ގިނަގޮތްގޮތަށް ކުރެވުނެވެ.
1- ރަންކޮކާ މެންފަދަ ސްޓާފުންނައި ހަމައަށް، ޕްރިސަންސަށް އަޅުގަނޑު މެންނާ ގުޅޭ ވަރަށް ގިނަ ޝަކްވާތައް ލިޔާމީހުން ޖަލުތެރޭގައި އުޅޭކަމެވެ. ޚައްސަކޮށް އަންނި އާއި އަޅުގަނޑުގެ ޝަކުވާތައް ލިޔާ މީހުން ތިބޭކަން ފާހަގަ ކުރެވުނެވެ.
2- ބުރެވިމާގޭ މުހަންމަދު ޒާހިރު އަޅުގަނޑު މެންނާ ދޭތެރޭގައި ހަމްދަރުދީ ގެންގުޅޭކަމާއި އަޅުގަނޑުގެ މަތިން އެބޭފުޅާ ހަނދާން ކުރައްވާކަން ފާހަގަ ކުރެވުނެވެ. އަދި ދިގުޒާހިރު ގެންގުޅުއްވާ ދައުލަތުގެ ކާރުކޮޅު އަންދާލި ނާސިރާއި ވިސާމް ތެތްއަތާ ހިފެންދެން، އެކަމުގެ ތުހުމަތުތައް ވެސް ބިންބިފޯހުން އަޅުވާފައި އޮތީ، އަޅުގަނޑުމެންގެ ބޮލުގައެވެ. މާލެ ތެރޭގައި ވަނީ އެއަޑު އުފުލާފައެވެ. ފަތުރާފައެވެ. ދޮގުބަޔާންތައް ރޭޑިއޯއިން އިއްވާފައެވެ. ޒާހިރަށް މިކަމުގެ ހަގީގަތް މިހާރު އެނގިލެއްވީމާ ހަމްދަރުދީ އުފެދުނީކަން ފާހަގަ ކުރެވުނެވެ.
މިއަދުގެ މިހުވަފެން ފެނުނީ، ހެނދުނު ދިހައަކާއި އެގާރައާދޭތެރޭ ގައެވެ. މިހުވަފެނާ ގުޅިގެން މިއަދު މިކަމާ ވަރަށް ބޮޑަށް ވިސްނުން ގެންގުޅެވުނެވެ. 1990 ވަނަ އަހަރުތެރޭގައި ސަރުކާރުން ވާގިވެރިވެގެން ސިފައިންގެ އެހީ ތެރިކަމާއެކު މާލެތެރެ ފަސާދަކޮށް ގަޑުބަޑު އުފެއްދުމުގައި ހަރަކާތްތެރިވި ބިންބިފޯހުން މާލެ ތެރޭގައި ހިންގި ނުބައިނުލަފާ ފަސާދަތަކުގެ ހަގީގީ ބޭނުމަކީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަޅުގަނޑުމެން އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ބޮލުގައި އެ ތުހުމަތުތައް އެޅުވުމެވެ.
އަދި އެއަށް ފަހު، ޓެރަރިޒަމްގެ ބޮޑެތި ބަދުނާމު ތަކެއްގެ ތުހުމަތު އަޅުވައިގެން އަޅުގަނޑުމެންގެ މައްޗަށް ޝަރުޢީ ބޮޑެތި ހުކުމްތަކެއް ސާބިތުކޮށް އިއްވާއި މުޅިއުމުރަށް ޖަލަށްލާއި މުޅި ހަޔާތް ހަލާކުކޮށް ލުމެވެ. އަޅުގަނޑު މެންގެ ދުވަސްދުއްވާލުމެވެ. ބުއްދިދުއްވާލާއި ސިޔާސީގޮތުން ނުކުޅެދޭ މީހުންނަށް ހަދާލުމެވެ.
އެހެނަސް، ﷲގެ އިރާދަފުޅާއި ކުޅަދުންވަންތަކަމުން، އެކަންއެގޮތަށް ކާމިޔާބު ވާގޮތްނުވީ، މާލެތެރޭގައި އަލިފާންރޯކޮށް ފަސާދަކުރި މީހުންތައް ތެތްއަތާ އެކު، ފުރިހަމަ ހެއްކާއި ގަރީނާއާއެކު އަތުލައި ގަނެވުމުންނެވެ. އެކަންކުރި މީހުންލައްވާ އެކަންތައް ރާވައިގެން ކުރުވާފައި ސަރުކާރުން އުޅުނީ، ބިންބިފޯސް މެދުވެރިކޮށް އެކަންތައްގަނޑު އިސްލާހީ ހަރަކާތުގައި އުޅުނު އަޅުގަނޑުމެންގެ ބޮލުގައި އަޅުވާށެވެ.
މާލެތެރޭގައި އެދުވަސްވަރު ހަރަކާތްތެރިވި ބިންބިފޯހުގެ މި ހަރަކާތްތައް ދިރާސާކޮށް ތަހުގީގީރިޕޯޓެއް އެކުލަވާލާނެ ތާރީޚަށް ޚިދްމަތް ކުރާ ދިވެހި ފަރާތެއް އުފެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިތާރީޚަށްޓަކާ މި ދިރާސާ ހަދާނެ ކިޔަވާކުދިބައެއް ނަމަވެސް ނުކުންނަން އެބަޖެހެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެފަދަ ދަރިވަރުންނަށް ކޮންމެވެސް މިންވަރެއް ލިބިގެން ދާނެއެވެ.
18 އޭޕްރިލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 482 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. އެހެން ޚާއްސަކަމެއް ނުހިނގައެވެ. މޫދަށް ދިޔައީ އެކަންޏެވެ. ދާނެ އެހެން ކުއްޖަކު ނެތީއެވެ.
19 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 483 ވަނަ ދުވަހެވެ. މިއަދު ވިސާމު މާލެ ގެންދިޔައެވެ. ހީރޯގެ މައްސަލާގައި ކޯޓުންނެގި ހެކިބަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އެހެންކަމެއް ނުހިނގައެވެ.
20 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 484 ވަނަ ދުވަހެވެ. ސައްޕެ މާލެ ގެންދިޔައެވެ. ދަތެއްގައި ރިއްސާތީ ހޮސްޕިޓަލަށެވެ. ޑެންޓިސްޓެއްގެ ކާރިއަށެވެ.
21 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 485 ވަނަ ދުވަހެވެ. މިއަދަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އަދި މިއަދަކީ ދިވެހި ސިފައިންނަށް، 100 އަހަރު ފުރޭދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިން އުފެދުނުތާ ސަތޭކަ އަހަރުފުރޭ ދުވަހެވެ. މިކަންފާހަގަ ކުރުމުގެ ގޮތުން، ރަސްމީކޮށް ދަރުބާރުގޭގައި ފުރަދާނަ ޖަލްސާއެއް މިއަދު ބޭއްވުނެވެ.
މިޖަލްސާ އަޅުގަނޑު އަތުގައި އޮތް ރޭޑިޔޯއިން އަޑުއެހީމެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ. ވަރަށް ގިނަ އޮފިސަރުންނަށް ޕްރޮމޯޝަން ދެއްވާއި މެޑެލް އާއި މަޚްމާ ޝަރަފުވެރި ކުރެއްވިއެވެ. މީގެ ތެރޭގައި ޝައުކަތު، ޓޫޓޫޒާހިރު، އާދަމްޒާހިރު، ކާށިދޫ ހުސައިންފުޅު (ބިންބިފޯސް ލީޑު ކޮށްދެއްވި ބޭފުޅާ) އަންބަރީ، އަދި މޫސާޖަލީލު ހިމެނެއެވެ. މޫސާޖަލީލު ފިޔަވާ މިދެންނެވި ހުރިހާ އޮފިސަރުންނަށް ކާނަލްކަމުގެ މަޚްމާގަނޑު ދެއްވިއެވެ.
އަދި މޫސާ އަލީޖަލީލަށް ލެފްޓިނެންޓް ކާނަލްކަން ދެއްވިއެވެ. ސިފައިންގެ ފަރާތުން ޖަލު ބެލެހެއްޓުމުގައި އުޅުއްވާ ސީނުކަރަންކާ ނާޒިމަށް ސާޖެންޓްކަން ދެއްވިއެވެ. ނާޒިމަކީ ސިޔާސީ ވާހަކައަށް އިސްކަން ދެއްވާ ބޭފުޅެކެވެ. އަޅުގަނޑުގެ ރައްޓެއްސެކެވެ.

އަދި އެއްވެސް ކުށެއްނުކޮށް ސިފައިގެއިން ވަކިވެފައި ތިއްބެވި، ބޭފުޅުންނަށް ޝަރަފާއި ލަގަބުން އިއްޒަތް ދެއްވުން ވެސް އެޖަލްސާގައި އޮތެވެ. ދެން އެއަށް ފަހު، އެންމެހާ ދިވެހި ސިފައިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން އަލަށް އެރުވުނު އެލަގަބުތަކުން އެމީހުންނާ މުޚާޠަބު ކުރުމުގެ ހުއްދަވެސް ދެއްވިއެވެ.
22 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 486 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ޖަލުއޮފީސް ބެލެހެއްޓެވުމާ ހަވާލުވެގެން ހުންނަވާ ނަސީމާއި އޮފީހުގެކާތިބަކު ޖަލުގެ މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލަން ވެންނެވީއެވެ. ވަކި ޚާއްސަކަމެއް ނުކުރައްވައެވެ. އަޅުގަނޑައި، ރަޝީދު ވަރަށް ގިނައިންވާހަކަ ދެއްކެވިއެވެ. ބައެއް ޚަބަރުތައް ދެއްވިއެވެ. ގޭގެމީހުން ރަނގަޅުކަމަށް ވިދާޅުވިއެވެ. އަދި އިތުރު ކަމެއް ބޭނުންނަމަ ސިޓީއެއްލުމަށް ވިދާޅުވިއެވެ.
23 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 487 ވަނަ ދުވަހެވެ. މިއަދު ރަޣީބުއަލީ އޭނާގެ އަންހެނުންނާ ބައްދަލު ކުރިއެވެ. ރަޣީބަކީ، ތ.އަތޮޅު ގާދީއްފުށީ ބޭފުޅެކެވެ. އަޅުގަނޑު މެންގެ އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އޭނާގެ ފެންވަރުގައި ބައިވެރިވި މީހެކެވެ.
24 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 488 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށްބޯކޮށް ވާރޭވެހުނު ދުވަހެކެވެ. މެންދުރެއްހާއިރު ފެށިގޮތަށް ވިއްސާރަ ހުއްޓާލީ ޢިޝާނަމާދަށް ފަހުގައެވެ. ހަމަ ވެހިލަވެހިލާ އޮތީއެވެ.
25 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 489 ވަނަ ދުވަހެވެ. ނާސިރާއި މުފިއްޓޭ މިއަދު މާލެ ގެންދިޔައެވެ. ނާސިރު ކޯޓަށެވެ. މުފިއްޓޭ ހޮސްޕިޓަލަށެވެ. އަދި މިއަދު ކެޕްޓަން މުއާޒު އޭނާގެ ގޭގެ މީހުންނާ ބައްދަލު ކުރިއެވެ. އަދި މިއަދު ހަވީރު ޖަލުގެ މިސަރައްދަށް ގަނޫރޯޅިއެއްގެ އަސަރުކުރިއެވެ. މިރަށަށް ލައްވާލީ ނަގޫރޯޅީގެ އަރިމަތިން ކުޑަމިންވަރެކެވެ. މާބޮޑު ގެއްލުންތަކެއް ނުވެއެވެ.
ވައިރޯޅިޔާއެކު ކުނިބުނިތަކާއި ކަރުދާސްތަކާއި ގޯނިފަދަ ކުނިބުންޏާއި ހިއްކަންއަޅާފައި ހުރި ހެދުންފަދަ ތަކެތިވަޔާއެކުގައި އެނބުރެމުން ސެނބުރެމުން މައްޗަށް އަރައިގެންދާތަން ފެނުނެވެ. ބައެއް ގޭގެ ދޮރުތަކުގެ ބިއްލޫރިތެޅި ބައެއްގޭގެ ޓިނުތައް އުކާލިޚަބަރު ފަހުން ލިބުނެވެ. އެހެނަސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ޖަލުތެރޭގެ އެއްވެސް އެއްޗަކަށް ތަނަކަށް ގެއްލުމެއް ނުވެއެވެ. މިމަންޒަރު ވަރަށްރީއްޗަށް އަޅުގަނޑުމެން އެންމެންނަށް ފެނުނެވެ.
26 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 490 ވަނަ ދުވަހެވެ. މިއަދު ގެއިން، 5 އޭޕްރީލް ގައި ލިޔެ ޕްރިސަންސާއި ހަވާލުކޮށްފައިވާ ސިޓީއެއް ލިބުނެވެ. މިއީ ގެއިން އަޅުގަނޑަށް ފޮނުވި ސިޓީ އެކެވެ. ގޭގެ ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެ ހާލުވެސް ރަނގަޅެވެ.
27 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 491 ވަނަ ދުވަހެވެ. މިއަދުވެހުނު ވާރޭގައި އަޅުގަނޑުމެން ތިބޭބައިގައި ބެހެއްޓި ތާނގީއަށް ވާރޭފެން ނެގީމެވެ. ދޮވެސާފުކުރުމަށް ފަހު ހޮޅިއެއް ގުޅައިގެންނެވެ. މިއަދު ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ސައްޕެ މާލެއަށް ގެންދިޔައެވެ. މިއަދުން ފެށިގެން މިތާނގެމައި ދޮރާށި އަނެއްކާވެސް ތަޅުލަން ފަށައިފިއެވެ. ވަކިޚާއްސަ ސަބަބެއް ނާންގައެވެ.
ޖަލުތެރޭގެ ސެކިއުރިޓީއާ ގުޅޭކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އެހެން އުޅެލާފާ ދޭތެރެއަކުން ކޮށްއުޅޭ ކަމެކެވެ. އެހެންއުޅެލާފައި އަނެއްކާވެސް މިސްކިތަށް ގޮސް އައިސްވެވޭ ގޮތަށް ދޮރު ހުޅުވާލަ ދެއްވަނީއެވެ. ފަހަކަށް އައިސް މިދޮރު ގިނައިން ހުންނަނީ ހުޅުވާފައެވެ. އެހެނަސް އަބަދުވެސް ބޭރުގައި ޑިއުޓީއަށް މީހަކު ހުރެއެވެ. އަބަދުވެސް އެ ސަރަހައްދަކީ ޑިއުޓީމަރައިގެން ބަލަހައްޓާ އޭރިޔާއެކެވެ.
28 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 492 ވަނަ ދުވަހެވެ. ޅަރީތި އަހްމަދާއި އަލިފާނާ ބެހޭ ކާދޫއިބުރޭ މާލެ ގެންދިޔައެވެ. މިއަދާހަމައަށް ގެއަށް ސިޓީ ލިޔުނުތާ އެއްމަސްވީއެވެ. އަދިޚަބަރެއް ނުވެއެވެ. ބައެއްފަހަރު ގެއަށް ފޮނުވާސިޓީ ގެއަށް ރައްދުވެފައި ހުންނަނީ، ވަރަށް ލަސް ކޮށްފައެވެ. އަނެއްބައި ފަހަރު އަވަހަށްވެސް މިކަންހިނގާފައި ހުންނަކަން ފާހަގަވެފައި އެބަހުއްޓެވެ.
ސަރުކާރާއި ސިފައިންގެ ވަފުދެއް ޖަލަށް ޒިޔާރަތް ކުރުން:
29 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 493 ވަނަ ދުވަހެވެ. މިއަދު އިސްތަފާ އިބްރާހީމް މަނިކާއި އާދަމްޒާހިރާއި އައްޝައިޚް ހުސައިން ޔޫސުފާއި ޚާއްސަގާޒީ އަހްމަދު މުހަންމަދާއި އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދު (އަޅުގަނޑުމެންނަށް ހުކުމް އިއްވިގާޒީ) އާއި ގާޒީ ޔޫސުފް މޫސާ އާއި އަދިވެސް އިތުރު ގާޒީއަކާއި ރަންކޮކާ މުހަންމަދު ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމާއި ސިފައިންގެ ތެރެއިން ސީނުކަރަންކާ ނާޒިމާއި ސިފައިންގެ ތެރެއިން ފަލްކަން އާއި ސިފައިންގެ ތެރެއިން ނާސިހް (ޖަލުމީހުން ކިޔާއުޅެނީ ކެންބޯ) އާއި މިއެންމެން އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ.
މިއީ ޖަސްޓިސް މިނިސްޓްރީން ބަޔަކު ޖަލަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ބޭރު ދުނިޔެއިން ކުރިމަތިވާ ސުވާލުތަކަށް ޖަވާބުދާރީ ވުމުގެ ބޭނުމުގައި ކުރެއްވި ޒިޔާރަތަކަށް ވުން ގާތެވެ!
ހުރިހާ ގައިދީންގެ ހާލުވަކިވަކިން އައްސަވާ ހެއްދެވިއެވެ. ވަރަށް ގިނަވާހަކަތައް ދެއްކެވިއެވެ. އަދި އިމާރާތުގެ ބައެއްތަންތަނާއި އަޅުގަނޑުމެން، އެބޭފުޅުންނައި ވާހަކަ ދައްކަމުން ގެންދިޔަ މަންޒަރުތައް އެކިއޭންގަލުން ފޮޓޯނަގާ ހެއްދެވިއެވެ. ހީވަނީ ބޭރުގެ ފަރާތްތަކަށް މިޚަބަރުގެ ފޮޓޯތައް ދައްކަންވެގެން ކުރެއްވި ކަމެއްހެންނެވެ. ލަފާކުރެވެނީ މިހާބޮޑުޓީމެއް ޖަލަށް ޒިޔާރަތްކުރަން މިޖެހުނީ ބައިނަލްއަގްވާމީ މުޖްތަމަޢުގެ ކަމާބެހޭ އިސްފަރާތްތަކުން ރާއްޖޭގެ ޖަލުގެ ހާލަތްތައް މޮނިޓަރކުރަމުން ގެންދާތީ ކުރެއްވި ކަމެއްހެނެވެ.
އަޅުގަނޑުމެންނާ ބެހޭގޮތުން އެފަރާތްތަކުން ސުވާލުކޮށް ބަލަމުންގެންދާކަން އަޅުގަނޑު މެންނަށްވަނީ އެނގިފައެވެ. ބައެއްފަރާތް ތަކުން ސީދާ އަޅުގަނޑުމެންގެ ނަމުގައި އަޅުގަނޑުމެންނަށް އެޑްރެސްކޮށް ފޮނުވާފައި ހުންނަ ޕޯސްޓުކާރޑުތަކާއި ސިޓީތައް އިސްތަފާ ޗެކު ކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ރައްދުކޮށް ދެއްވާފައި ވެސް އެބަހުއްޓެވެ. އޭގެކާޑުތަކާއި ވާހަކަފޮތްތައް މިހާރުވެސް އަޅުގަނޑު އަތުގައި ފޮރުވާފައި އެބަހުއްޓެވެ.


މިދުވަސްވަރު އަޅުގަނޑު ޖަލުގައު ހުއްޓައި އިނގިރޭސި ވިލާތުގެ ޕެން އިންޓެނެޝަނަލުން އެޖަމްއިއްޔާގެ ޝަރަފުވެރި މެންބަރުންގެ ގޮތުގައި އަޅުގަނޑު އައްޔަންކުރުމަށް ފަހު، ފޮނުވި ލިޔުން މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. މިތަކެތި ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކްގައި އޮންނަ އަޅުގަނޑުގެ އެކައުންޓަށް ލާނަމެވެ. މިބުރުގައި އަޅުގަނޑުމެން ޖަލުގައި ތިބިއިރު ބައިނަލްއަގްވާމީ މުޖްތަމަޢުން އަޅުގަނޑުމެންނާ ވަރަށްބޮޑަށް އަޅާލުން ބޭއްވިކަން އެބޭފުޅުންގެ އެކިލިޔުންތަކުންނާއި ރިޕޯޓުތަކުން ސާބިތުވާން އެބަހުއްޓެވެ.


30 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 494 ވަނަ ދުވަހެވެ. މިއަދު އާދިލް މާލެ ގެންދިޔައެވެ. މުނިސްޕަލްޓީގެ ކަމެއްގައި އޭނާގޭގެ މައްސަލައަކާ ގުޅިގެންނެވެ. ސައްޕެ އާއި ރިޝްވާނާ ދެމީހުންގެ ގޭގެމީހުން އެދެމީހުންނާ ބައްދަލުވުމަށް މިއަދު ޖަލަށް ޒިޔާރަތް ކުރިއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރިޝްވާނާ ބައްދަލުކުރީ އޭނާގެ މަންމައެވެ.
1 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 495 ވަނަ ދުވަހެވެ. ރޭގަނޑު އެގާރަޖަހާ އެހާކަންހާއިރު ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމް މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މުޅިންވެސް ވާހަކަދެއްކެވީ އަޅުގަނޑާއެވެ. ދަމުންދިޔައީ އަޅުގަނޑަށް ފިނި ކޯކުދަޅެއް ދީފައެވެ. މީނާއަކީ އަބަދުވެސް އަޅުގަނޑު ފެނުނީއްސުރެ އަޅުގަނޑާ ޚާއްސަގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެކެވެ. އަދި މީނާދަމުން ދިޔައީ މިބައިގެ ބޮޑުދޮރާށި ހުޅުވައިދީފައެވެ. އަދި އޭގެފަހުން އަނެއްކާވެސް އެދޮރާށި ތަޅުލުން ހުއްޓުނީއެވެ.
ޖަލުތެރެއިން ރޭވުނު މަޅިއެއްގައި ޖެހި ނުސީދާމަގުން ގެއަށް ފޮނުވި ސިޓިއެއްގެ ތަހުގީގު:
2 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 496 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މިހާރަކަށް އައިސް ފޫހި ވަންދެން މޫދުގައި އުޅެވެއެވެ. މަނާކަންތަކެއް ނޯވެއެވެ. ގަވައިދުން މޫދަށްދާ މީހަކީ އަޅުގަނޑު އެކަންޏެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ޖަލުއޮފީހާ ފޮނުވާލަދިނުން އެދި ހަވާލުކުރީމެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުގެ އުނދޯލިގެއަށް އަޅުގަނޑު ނެރުނެވެ. އެތާނގައި މޭޒެއް ބަހައްޓަވައިގެން ތިއްބެވީ، އިސްތަފާ އިބްރާހީމް މަނިކާއި ރަންކޮކާ ރަޝީދައި، އަދިވެސް އިތުރުކާތިބެކެވެ.
މިތަންފެނުމުން މިއީ އަޅުގަނޑާ ސުވާލުތަކެއް ކުރުމަށް އުފައްދާފައިވާ ދަރުބާރެއްކަން ޔަގީންކުރެ ވިއްޖެއެވެ. އަޅުގަނޑު އެތާގައިހުސްކޮށް ހުރިގޮނޑީގައި ބޭންދުމަށް ފަހު، އިސްތަފާ ކުރެއްވި ސުވާލަކީ މިތާޖަލުގައި ހުރެގެން މީހެއްގެއަތުގައި ގެއަށް (ޖަވާހިރުވާދީއަށް) ސިޓީއެއް ސިއްރުން ފޮނުވިން ތޯއެވެ؟ ވިސްނާލާފައި ދަންނަވަންޖެހުނީ އާދޭހެވެ. ތެދެކެވެ. ފޮނުވީމެވެ. އަޅުގަނޑާއެކު ކޮޓަރީގައި ހުންނަ އަބްދުއްރައްޒާގު ގެއަށްސިޓީއެއް ފޮނުވަން ބޭނުމިއްޔާ ލިޔެލާފައި ދޭށޭ ބުނީމާ އަޅުގަނޑު އެއްގަނޑުގެ ކުރުކުރުސިޓިއެއް ހަދާލާފައި އޭނައަތަށް ދިނީމެވެ.
އޭނާ އެސިޓީ ފޮނުވާނެ ގޮތެއް އަދި އެސިޓީ އޭނާގެ ގެއަށް ފޮނުވަން ހަދާނެ ގޮތެއް ކިޔައެއް ނުދެއެވެ. އޭނާބުނީ އޭނާގެޔަށް ފޮނުވާސިޓީ އުރަތެރޭގައި އަޅުގަނޑުގެ ސިޓީވެސް ފޮނުވާލަ ދޭނެކަމަށެވެ. ތިޔަކަމަކީ، އަޅުގަނޑު ކުރިކަމެކެވެ. އަދި މިސިޓީގައި މާޚާއްސަ ވާހަކަތަކެއް ނުހުންނާނެއެވެ. ލިޔެލާފައިވާނީ ހަމައެކަނި ހާލުއަހުވާލެވެ. ދެންގެއަށް ފޮނުވިސިޓީ ލިބުންލަސްވާ ވާހަކަ ލިޔެފައި އޮންނާނެއެވެ.
ދެން، އަބްދުއްރައްޒާގު ގާތުގައި ފަހުން ދުވަހެއްގައި އެސިޓީ ފޮނުވާލައިފިންތޯ އަހާލުމުން ޖަލުގެ މިބަޔަށް ފެންދޭން އަންނަ ކިރުބޯ ނަސީމް ކިޔާމީހެއްގެ އަތުގައި ފޮނުވާލައިފި ކަމަށް ބުންޏެވެ. ކިރުބޯއަކީ އަޅުގަނޑު ވާހަކަދައްކާ ހަދާމީހެއްނޫނެވެ. އެއީ ފެނާއި ކާބޯތަކެތި ހިފައިގެން އެތަނަށް އަންނަ މީހެކެވެ. މީހުން ބުނަނީ އެއީ ވެސް ގައިދީއެއް ކަމަށެވެ. ހަގީގަތެއް ނޭނގެއެވެ. ފަހަރުގައި އަބްދުއްރައްޒާގާ ގުޅުމެއް އޮވެދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، މިތަނަށް މިފޮނުވާ މީހުންނާއި އަދި މިތަނަށް މިވައްދާ ކުށްވެރިންނަކީ ވެސް، އިސްތަފާމެންނާ ވަރަށް ގާތްކަމެއް އޮންނަ، އަދި އަޅުގަނޑުމެންގެ ފަރާތުން ޖާސޫސުކުރުމަށް ފޮނުވާ މީހުންތަކެއް ކަމަށެވެ.
އެހެންވެ އަޅުގަނޑު އުޅެނީ ވަރަށް ބަލައިގެންނެވެ. އަޅުގަނޑުގެ ވިސްނުން އަބަދުވެސް ހުންނާނީ އިސްތަފާގެ ވިސްނުން މިތަނާމެދު ހުންނަގޮތަށެވެ. އިސްތަފާ މިތާގެވެރިއެއްގެ ހައިސިއްޔަތުން ޖަލާދޭތެރޭގައި ވިސްނަވާބީދައިން އަޅުގަނޑުގެ ވިސްނުން ހިންގާހަދަމެވެ. ރައީސް މައުމޫނު މިގައުމާމެދު ވިސްނަވާބީދައިން އަޅުގަނޑުގެ ވިސްނުން ވެސް މިގައުމާމެދު ހިންގާހަދަމެވެ. ތަނެއްގެ ނުވަތަ ކަމެއްގެ ދެކޮޅަކީވެސް އަޅުގަނޑުގެ ވިސްނުމުގައި އަބަދުވެސް ހުންނާނެ ކަންކަމެވެ.
ގިނަކަންތައް ޖަލުތެރޭގައި އަޅުގަނޑު ދިރާސާކުރަނީ އިސްތަފާއަށް ވެގެންހުރެ އިސްތަފާގެ މަގާމުގެ ވިސްނުމުންނެވެ. މިކަހަލަ ގޮތްގޮތަށް ވިސްނުން ހުންނާނީ ވަރަށް މަދު ބައެއްގައެވެ. މިގައުމާ ދޭތެރޭގައި ބައެއް ފަހަރު ވިސްނާހަދަނީ، ރައީސް މައުމޫނަށް ވެގެންހުރެ އެ މަނިކުފާނުގެ މަގާމުގެ ވިސްނުމުން ކަމަށް ދެންނެވުމުން އިސްތަފާ ވަރަށް ހައިރާންވެއްޖެއެވެ.
މިކަހަލަ ބައިވަރު ވާހަކަތަކެއް އިސްތަފާއާ އެކު ދެއްކުމުން ވަކިއެއްޗެކޭ ވިދާޅެއް ނުވިއެވެ. ދެން ވިދާޅުވީ، އިލްޔާސް ދޮގުނުހަދާ ތެދުތެދަށް ކިޔައި ދިނުމުންނާއި އެސިޓީގައި އެއްވެސް އުސޫލުން ބޭރު ގޯސްވާހަކައެއް ނެތުމުން މިކަމަކީ މައްސަލައަކަށް ނުހަދައި މި ހިސާބުން ނިންމާލަން ބޭނުންވާ ކަމެއް ކަމަށެވެ.
ރަސްމީކޮށް ބަޔާނެއްވެސް މިއަދު ނުނަގާގޮތަށް މިހާ ހިސާބުން ނިމުނީއެވެ. އެހެންމީހުން މިކަހަލަ ކަންތައްކޮށްގެން އިތުރު ހުކުމްވެސް ކުރެވިފައި ހުންނާނެ ކަމަށް އިސްތަފާ ވިދާޅުވިއެވެ. ރަންކޮކާ ރަޝީދު އިންނެވީ ހަމަ އަޑު އައްސަވާށެވެ. ބަހެއް ވިދާލެއް ނުވެއެވެ. ދެން ނަސޭހަތުގެ ވާހަކަކޮޅެއް ދައްކާލައްވާފައި ވަރަށްކުރުކޮށް ބަޔާނެއް ހަދާލައްވާފައި ރަފްސޮޔެއް އަޅުގަނޑު ލައްވާ ކުރުވާފައި މިއަދަށް ނިންމާލެއްވީއެވެ. އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދެންނެވީމެވެ.
މިކަމުގައި ހުކުމެއް އިއްވެން އޮއްވާ އެކަން ނުކުރައްވާ ނިންމަވާލަ ދެއްވީތީ އުފާކުރާކަމަށް ދެންނެވީމެވެ. މި ހިސާބުން މިކަންތައް ނިމުނީއެވެ. ޖަލުގައި ތިބޭބަޔަށް އާދެވުނުއިރު އިރު އޮއްސިއްޖެއެވެ. މިއީ އަބުދުއްރައްޒާގު ކޮންނިޔަތެއްގައި އަޅުގަނޑު ލައްވައި ކުރުވި ކަމެއްކަމެއް އޭނާގެ ފަރާތުން ސާފެއްނުވިއެވެ. ބުނީ ދޮންބެ ވެސް ގެއަށް ސިޓިލިޔަން ބޭނުންވާނެ ނޫންތޯއޭ ކިޔާފައި ދެއްކީ އެކަހަލަ ވާހަކަތަކެވެ. ކިރުބޯ އިސްވެހުރެ ރޭވުމެއްގެ ދަށުން ކުރުވި ކަމަކަށް ވެސް ވެދާނެއެވެ. އެކަހަލަ ފުރުސަތެއް ލިބުމުން ކުރަނީ ކީއްތޯ ޗެކުކޮށްލީ ކަމަށް ވެސް ވެދާނެއެވެ.
ފަހުން އެނގުނު ގޮތުގައި މިއީ ޕްރިސަންސުން ހުތްލައިދީގެން މިގޮތަށް ޖަލުތެރެއަށް އެކި މަސައްކަތުގައި ފޮނުވާ މީހުންލައްވާ ޚާއްސަކޮށް ސިޔާސީކުށްވެރިން ލައްވާ އާންމުކޮށް ކުރުވާކަމެކެވެ. އަޅުގަނޑު މެންނަށް ފަހުން ކިރުބޯ ކިޔައިދިނީ މިގޮތަށެވެ. މިކަމަކީ ވެސް އެމީހުން ބުނެގެން ކުރިކަމެކެވެ. ކިރުބޯ ބުނެދިނެވެ. މިއީ ސިޔާސީމީހުންގެ ބޮޑެތިރޭވުންތަކެއް ހުރެދާނެކަމަށް އިސްތަފާމެން ރާވައިގެން ކުރާ ވަރަށް ދަށްފެންވަރުގެ ނާތަހުޒިބު ހުތުރު ކަންތަކެވެ.
އެހެންމީހުން ލައްވާ މޮޔަހައްދުވަނީއެވެ. ޖަލަށްލާމީހުން ހަލާކުކޮށްލަނީ މިކަހަލަ މަޅިތަކުގައި ގަދަކަމުން ބައްދައިގެންނެވެ. ހުކުމްތައް ގިނަކޮށްގެންނެވެ. މިއީ އިސްތަފާ މެންގެ ޖާސޫސީރޭވުން ތަކުގެ ފެންވަރު ރީއްޗަށް ދަށްކުވައިދޭ ކަމެކެވެ. އެމަޅީގައި އަބްދުއްރައްޒާގު ޖެހުނީއެވެ. އަދި އޭގެރެތެއަށް އަޅުގަނޑަށް ނޭނގި ހުރެ ވަދެވުނީއެވެ. ކިރުބޯ "ނަސީމް" ގެ ރޭވުމުން އަޅުގަނޑު ވެސް ވެއްދީ އެވެ. ބާނާލީއެވެ. އަޅުގަނޑަށް ހުކުމެއް ނައިސް މިކަމުން ސަލާމަތް ކުރެއްވީތީ، ﷲއަށް ޝުކުރު ދެންނެވީމެވެ.
ޖަލުގައި ސައްޕެ އަނބުރައިގަތުން:
3 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 497 ވަނަ ދުވަހެވެ. ރޭގައި ސައްޕެ އަނބުރައި ގަނެގެން ކޮޓަރިތެރެއަށް ވެއްޓުނެވެ. އެއީ ގާތްގަނޑަކަށް، 1:30 އެހާކަންހާ އިރެވެ. އަޅުގަނޑަށް ނާސިރު ގޮވުމުން އައިސް ނަގާބާއްވާފައި ބޮލަށް ފެންއަޅާއި މޮޑެލާ ހަދާލުމުން ވަރަށް އަވަހަށް ސައްޕެ ހޭއަރައިފިއެވެ. އިސާހިތަކު މުޅިންރަނގަޅު ވެއްޖެއެވެ.
ޖަލުގައި ތިބި ގައިދީންގެ ތެރެއިން އެންމެބޮޑަށް ސައްޕެ ގަޔާވެ ލޯބި ވަނީ ނާސިރު ދެކެއެވެ. ނާސިރު ހުންނަނީ ވެސް އެކޮޓަރީގައެވެ. ނާސިރު ގެންގުޅެނީ ވެސް ވަރަށް ގާތްކޮށްގެންނެވެ. ބޭނުންވާ ހުރިހާކަމެއް ކޮށްދީ ބޭނުންވާ ހުރިހާ އެއްޗެއް ގެނެސްދީ ހަދަނީ ވެސް ސައްޕެއެވެ. ނާސިރަށް ބޭނުންވާ ހުރިހާކަމެއް ވެސް ކޮށްދެނީ ސައްޕެއެވެ. މިހާރު އެއީ ސައްޕެގެ ސޮރެކެވެ. އަޅުގަނޑު ނިންމީ މިއީ ޢިޝްޤީ އަނބުރައި ގަތުމެއްކަމަށެވެ.
4 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 498 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ރަޣީބު މާލެ ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ބިގޭއާ ދިމާވި ވާހަކަ ބުންޏެވެ. ހުރިހާކަމެއް ވެސް މުޅިން ރަނގަޅުކަމަށް ޚަބަރު ދިނުމަށް ބިގޭބުނިކަމަށް ރަޣީބުމެން ބުންޏެވެ.
އަންނި ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރި ވާހަކަ:
އަދި މިއަދު ހަވީރު ދޫނިދޫޖަލުން، ގާމަދޫޖަލަށް އަންނި ގެނެސް އަޅުގަނޑުމެން ތިބޭބަޔަށް، ސިޔާސީފައްޅިއަށް ވެއްދިއެވެ. މިއީ އުފާވެރި ދުވަހެކެވެ. އަންނިއަށް މިބަޔަށް އާދެވި އަޅުގަނޑު މެންނާއެކު އެއްތަނެއްގައި އުޅެވޭގޮތް ވީމައެވެ. އަންނި ވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. އެކޮޓަރީގައި މިވަގުތު ހުރީ ރިޝްވާނު އެކަންޏެވެ. އަންނި ވެއްދުމުން ދެމީހުން ހަމަވީއެވެ. މިއީ ދެމީހުންގެ ކޮޓަރިއެކެވެ. އަނެއްކާވެސް މިބައި ފުރުނީއެވެ. 18 ގައިދީން ހަމަވީއެވެ.
އަންނި ޚަބަރުދިން ގޮތުގައި ބިގޭއާއި ހަންދު މުޅިން ރަނގަޅެވެ. ތިބީ ފިޓްކޮށެވެ. ތިބީ ހިތްވަރާއި މަޖަލުގައެވެ. މިރެއަކީ މިތާތެރޭގައި ވަރަށް ބޮޑުރެއެކެވެ. އަންނިއަށް އާދެވުމުން އުފާކުރުން އޮތެވެ. ކައިނިމިގެން ވަރަށް ގިނައިރު އަނގަތަޅަން ހޭލާ ތިބީމެވެ. އަލުންބަލުން ހުރިހާކަމެއް ރާވާލައި ކިޔަވައިދިނުމާއި ޑިއުޓީތައް ބަހާލައިގެން ޖަލުތެރޭގެ ކަންތައްތައް ރާވާލެވުނެވެ. އަންނިގެ ކެރުމާއި މޮޅުވާހަކަތަކާއި އިސްނެންގެވުން ހުންނަގޮތުން އާ ދިރުމެއް ޖަލުތެރެއަށް ލިބިގެން ހިނގައްޖެކަން މިއަދުން ފެށިގެން ފާހަގަކުރެވުނެވެ.
ޖަލުގައި ހޭދަކުރާ، 2 ވަނަ އުފަންދުވަސް:
5 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 499 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. އެކަމުގެ އުފަލުގައި ރޭ ބާރަޖެހި އިރު އެމުނާސަބަތު ފާހަގަކުރުން އޮތެވެ. އަދި މިރޭ އިޝާނަމާދު ނިމިގެން ކެއުމަށް ފަހު ކުޑަވަރެއްގެ ހަފްލާއެއް އުފާކުރުމާއެކު ބޭއްވުނެވެ. މިއީ އަންނި އިސްނަންގަވައިގެން ހިންގިކަމެކެވެ. އަޅުގަނޑު ވިހެއީ، 1957.05.05 މ. ގައެވެ. މިއަދަކީ އުމުރުން، 35 އަހަރު ފުރުނު ދުވަހެވެ.
އުމުރުން އެންމެ މުހިންމު ދުވަސްވަރު ދިވެހިގައުމަށްޓަކާ މިއުޅެންޖެހުނީ ޖަލުގައެވެ. އެކަމާ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. އަޅުގަނޑަކީ ވިޔަފާރިއެއްކޮށް މާއްދީއެދުމުގައި އުޅޭމީހަކަށް ނުވާތީއެވެ. އަޅުގަނޑުގެ ހުރިހާ ކަމެއްވެސް ބިނާކުރެވިފައި އޮންނަނީ ދިވެހިގައުމަށް ޚިދުމަތްކުރުމަށެވެ. ދިވެހިރާއްޖެއަށް އިސްލާމީ ޑިމޮކްރަސީ ގެނައުމެވެ. އަދުލްއިންސާފު ގައިމުކުރުމެވެ. ޝަރީއަތް ދެމެހެއްޓުމެވެ. މުޖްތަމައުގައި އިޖްތިމާއީއަދާލަތު ގައިމުކުރުމަށެވެ. ފުރިހަމައަށް ޒަކާތް ހިމެނޭ މިނިވަން ފިޔަފާރީގެ އިގްތިސާދީ އަދާލަތު ގައިމު ކުރުމަށެވެ. ސިޔާސީ ލީޑަރުންނަށް މިނިވަންކަންމަތީގައި ސިޔާސީ ހަރަކާތްތައް ހިންގޭނެގޮތްވުމެވެ. ޚުދުމުޚްތާރު އަނިޔާވެރި ވެރިން ވެރިކަމުން ދުރުކުރުމެވެ.
މިކަންކުރެވޭނީ، ޖަލަށްވަދެގެން ކަމަށް ވިޔަސް އަދި ރައްޔިތުންގެ ބޮޑުމަޖިލީހަށް ވަދެގެންކަމަށް ވިޔަސް ސަރުކާރުގެ އެންމެއިސް މަގާމުތަކުން މަގާމެއްގައި ހުރެގެން ކަމަށް ވިޔަސް އެންމެރަނގަޅެވެ. އެންމެފަހު ނޭވާއަށްދާންދެން އެ ޖިހާދުގައި ކެރިގެން އުޅޭނަމެވެ. ދެމިހުންނާނަމެވެ. މިއީ އަޅުގަނޑު ކިޔެވިދުވަސް ވަރުންސުރެ އަޅުގަނޑުގެ އަޒުމެވެ. އަދި އަމާޒެވެ. އިރާދަ ކުރެއްވިއްޔާ މަރުވަންދެން ދެމިހުންނާނީ މިއަޒުމުގައެވެ. މިނިޔަތުގެ މަތީގައެވެ. މިމަސައްކަތުގައެވެ.
ސިޔާސީ މަސައްކަތަކީ، އަހުރެންގެ ހަށިގަނޑުގެ ކާނާއެވެ! ދިރިހުރުމުގެ އުފަލެވެ! އަދި، ދިރިހުރުމާއި މަރުވުމާއި އަޅުގަނޑުގެ ހުރިހާ އަޅުކަމެއް ބިނާވެގެން ވަނީ މިއަސާސްތަކުގެ މައްޗަށެވެ! ހައްދަވާބޮޑުކުރެއްވި، ﷲ އެވެ! އަޅުގަނޑަށް މިމައިދާނުގައި ކެރުމާއިހިތްވަރާއި ސާބިތުކަން ދެއްވާށިއެވެ! ކެތްތެރިކަން ދެއްވާށިއެވެ! އަދި ނަސްރުދެއްވާއި ދެދުނިޔޭގައި ކާމިޔާބު ކުރައްވާށިއެވެ! އާމީން!
ޖަލުގައި، 500 ވަނަ ދުވަސް:
6 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 500 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި ޖަލުގައި ހުންނަތާ، ފަސްސަތޭކަ ދުވަސް ހަމަވި ދުވަހެވެ. މިކަން ހަދާންކޮށް ދެރަކްއަތުގެ ނަމާދެއްކޮށް، ﷲގެ ނަސްރު ދެއްވުންއެދި ދުއާކުރީމެވެ. ހައްގުގޮތުގައި ތިބޭމީހުންނަށް، ﷲ ނަސްރު ދެއްވާނެކަން ޔަގީނެވެ! “ވަ ކާނަ ޙައްޤަން ޢަލައިނާ ނަޞްރުލް މުއުމިނީން” މިއީ އަޅުގަނޑު މޮޓޯއެވެ. ކުޑަގޮޅިން ފެށިގެން މިމޮޓޯ އަބަދުވެސް ޖަލުގައި އަޅުގަނޑު ހުންނަތަނެއްގައި އަޅުގަނޑަށް ފެންނަގޮތަށް ލިޔެފައި ހުންނާނެއެވެ.
މިއަދު ހަވީރު އިސްތަފާ އާއި ރަންކޮކާރަޝީދު ޖަލަށް ވަޑައިގެން އަޅުގަނޑު އޮފީހަށް ނެރުނެވެ. ސިއްރުންގެއަށް ސިޓިއެއް ފޮނުވި މައްސަލާގައި ކުރީދުވަހު ނެންގެވި ރަފްބަޔާން ރީތިކޮށް ލިޔެގެން ގެނެސްފައި އޮތެވެ. އިސްތަފާ ވިދާޅުވީ ރެކޯޑަށްޓަކާ ފައިލްކޮށްފައި ބޭއްވުމަށް މިބަޔާނުގައި ސޮއިކޮށްލަން ޖެހޭ ކަމަށެވެ. މިއީ ޝަރީޢަތަށް ފޮނުވަން ކުރާ ކަމެއް ނޫނެވެ. މިވާހަކަތައް ވިދާޅުވުމުން އެއޮތްގޮތަށް އަޅުގަނޑު ވަރަށް އަވަހަށް ސޮއިކޮށް ލައިފީމެވެ. ދެން މިކަންތައް މިހާ ހިސާބުން މި ނިމުނީއޭ، އިސްތަފާ ވިދާޅުވެއްޖެއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވެމުން، ޖަލުގައި އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވައްދައިފިއެވެ.
7 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 501 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދާން ނުކުތީ އަޅުގަނޑު އެކަންޏެވެ.
8 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 502 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ. އާދައިގެ މަތިން ދިޔަދުވަހެކެވެ. ވިއްސާރަ ވައްތަރު ދުވަހެކެވެ.
9 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 503 ވަނަ ދުވަހެވެ. މިއަދު ޅަރީތި އަހްމަދުރަޝިދު މާލެއަށް ކޯޓަށް ގެންދިޔައެވެ. ގެނައީ ހަވީރުއެވެ. ވަކި ޚާއްސަ ޚަބަރެއްނެތެވެ. ގަވާއިދުން ކްލާސްތައް ޖަލުގައި އޮވެއެވެ. އިނގިރޭސިއާއި ހިސާބު ކިޔަވައިދެނީ އަންނިއާއި ސައްޕެއެވެ. ބަރާބަރަށް ފިލާވަޅުތައް ނަގާކުދިން އުޅެއެވެ. ކަސްރަތުކުރުން ވެސް އޮވެއެވެ. ކަސްރަތަކީ ހަށިގަނޑުގެ ދިރުމެވެ. ފުރާނައޮގެ ކާނާއެވެ!
10 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 504 ވަނަ ދުވަހެވެ. މިއަދު އަންނިއާ ބައްދަލުކުރުމަށް އަންނިގެ މަންމަ ޖަލަށް ވަޑައިގަތެވެ. އަދި އަންނިއަށް ކުޑަ އައިސްއަލަމާރިއަކާއި ގިނައިރުފެން ފިނިކޮށް ބަހައްޓާ ވައްތަރުގެ ތަރުމޯޒެއް ގެއިން ގެނެސް ދިނެވެ. މިއަދަށް ފަހު ފިނިފެން ބޯންބޭނުން ގައިދީއަކަށް ފިނިފެން ލިބެއެވެ. އަންނި ހުންނަވާ ކޮޓަރިޔަށް ފެންބޮވައިގަތީމާ ފިނިފެންބޯން ދާންވީއެވެ. މިކަން އޮންނަނީ ހަމަހަމަކޮށް ހުރިހާ ގައިދީންނަށް ހުޅުވާލާފައެވެ.
11 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 505 ވަނަ ދުވަހެވެ. މިއަދު ރިޝްވާނުގޭގެ މީހުން ބައްދަލުކުރުމަށް ޖަލަށްއައެވެ. އަޅުގަނޑުގެ މަންމަ ހައްޖަށް ފުރަންއުޅޭޚަބަރު ލިބުނެވެ. އަދި ގެއިންކާނާ ވަށިގަނޑެއް މިއަދު ލިބުނެވެ.
ގައިދީއަކު ލަކުޑިން ހެދި ކުޅޭކުޅޭބަޑިއެއް ޖަލުއޮފީހަށް ގެންދިއުން:
12 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 506 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ޅަރީތި އަހްމަދު މާލެ ގެންދިޔައެވެ. އަދި މިރޭގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓަވާ ނަސީމާއި ސިފައިންގެ ފަރާތުން ޖަލުބަލަހައްޓަވާ، ސީނުކަރަންކާ ނާޒިމް، ޖަލުގެ މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ވިސާމް ލަކުޑިން ހަދައިގެން ގެންގުޅުނު ބަޑިއެއް އަތުލައިގެން އެމީހުން ގެންދިޔައެވެ. މިއީ ދެފޫޓުދިގުމިނުގެ ކުޅޭކުޅޭ ބަޑިއެކެވެ. ކޮންމެވެސް ގައިދީ އަކު މިކަން ރިޕޯޓުކުރީއެވެ!

13 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 507 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ރަންކޮކާ ރަޝީދު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަ ވާހަކައެއް ވިދާޅެއްނުވެއެވެ. މިއަދު ޅަރީތިރަޝީދާއި އަހްމަދު ފާޒިރުނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
އަމަލީގޮތުން އުޅުނު އެންމެން ބަންދު ވިޔަސް އިސްލާހީ ހަރަކާތް މެދުނުކެނޑި ކުރިޔަށް ދިޔަގޮތުގެ ވާހަކަ:
14 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 508 ވަނަ ދުވަހެވެ. މިއަދު ރޭޑިޔޯއިން ލިބުނުޚަބަރަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަހްމަދުޒަކީ، މާލޭގެ އިއްޒަތްތެރި މެންބަރު ޑޮކްޓަރ ވަހީދު މާލެ ގޮނޑިން އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ގަބޫލްކުރައްވާއި އިއުލާނު ކުރެއްވި ޚަބަރެވެ. ޑޮކްޓަރ ވަހީދު އަމިއްލަފުޅަށް އެދިވަޑައިގެން ހުށަހެޅުއްވި އިސްތިއުފާ އެކެވެ. އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއް އޮވެގެނެއްނޫނެވެ.
އެހެނަސް ޑޮކްޓަރ ވަހީދަށް ވަރަށް ވަރުގަދައަށް ސަރުކާރުން ސިޔާސީ ފިއްތުންތައް ކުރިމަތި ކުރިއެވެ. ސިޔާސީ ގޯނާތައް ކުރިއެވެ. މާލެތެރެއަށް ބިންބިފޯސް ނެރުނީވެސް ޑޮންޓަރ ވަހީދަށް ސިޔާސީ ގޯނާތަކާއި ސިޔާސީ އަނިޔާތަކާއި ސިޔާސީ ދުއްތުރާތައްކޮށް މަޖްބޫރުކޮށްގެން ރައްޔިތުން މަޖިލީހުން ބޭރުކުރުމަށެވެ. އަދި އަޅުގަނޑުމެންނަށް ޖަލުގެ ބޮޑެތި އަނިޔާތައް ކުރިމަތިކުރުވީ ވެސް ސިޔާސީގޮތުން، ޑޮކްޓަރ ވަހީދު ހަލާކުކޮށް ލުމަށެވެ. ފިއްތާލާއި ވަށާލުމަށެވެ. ޖަލަށް ގެނެސް ބަންދުކުރުމަށެވެ. ނުވަތަ މާލޭން ބޭރުކޮށް ފަހާލުމަށެވެ.
އެންމެފަހުން މާލޭގެ ގޮނޑިން އިސްތިއުފާ ދެއްވާފައި ވަގުތީގޮތުން ފަހަތަށް ޖެހިލައްވަން ޑޮކްޓަރ ވަހީދަށް އެދުވަސްވަރު މަޖްބޫރުވީއެވެ. އަދި މިހާހިސާބުން، ބަރާބަރު ތިން އަހަރު ދުވަހަށް ރާއްޖޭގައި ސިޔާސީގޮތުން އުފެދިފައިއޮތް އިސްލާހީ ހަރަކާތް ވެސް ވަގުތީގޮތުން ކުޑަ މަޑު ޖެހުމަކަށް އައިސް ބްރޭކަކަށް ވެއްޓުނެވެ. ކުޑަކޮށް މަޑުުޖެހުނެވެ. އެހެނަސް މިދުވަސްވަރު މިކަންތައް ކޮށްދެއްވީ، ބޭރުދުނިޔޭގައި ތިއްބެވި، ޑޮކްޓަރ ވަހީދުމެންނެވެ. އަހުރެމެން އެންމެން ޖަލުގައި ބަންދުވީއެވެ. އަދި ޑޮކްޓަރު ވަހީދަށް އެހީތެރިވި ގޯގޯ ލަތީފުމެން މޮޑީމެންފަދަ މެމްބަރުން ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ވިއްސިވިހާލިކޮށް ލީއެވެ. އަދި ޖަލުގައި ބަންދުވި އަހުރެމެން ސިޔާސީ އެންމެން މިނިވަންކުރުމަށް ބޭރު ދުނިޔޭގައި ގިނަގުނަ މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ!
ދިވެހިރާއްޖޭގައި އަމަލީގޮތުން އިސްލާޙަށް ހަރަކާތްތެރިވި ހުރިހާ ޒުވާނުންތައް ޖަލުގައި ހުކުމްކޮށް ބަންދުކުރީއެވެ. ދެންތިއްބެވި ލީޑަރުން ފައްސާލާއި ވިއްސިވިހާލި ކޮށްލީއެވެ. އެހެނަސް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅިތަކުގެ ތޭރިތަކުގެ ބިއްދަށުން އަނދިރީގައި ތިބެގެންވެސް، ސިޔާސީ ހަރަކާތްތައް ބަރާބަރަށް އެކުގައި މުޅިން މެދު ކެނޑިގެން ނުދާގޮތަށް، މާލޭގައި ތިއްބެވި އާއިލާތައް މެދުވެރިކޮށް ބޭރުގައި ތިއްބެވި ފަރާތްތަކާ ނުސީދާކޮށް ގުޅައިގެން ހިންގީމެވެ. ހުރިހާ ޚަބަރެއް ބޭރުކުރީމެވެ!
ބޭރުގައި ތިއްބެވި ބޭފުޅުން އެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. އެހެންވެ މުޅިން މެދުކެނޑުމެއް ނައިސް ކުރިޔަށް ގެންދެވުނެވެ. ބަންދުގައި ތިބި ހިތްވަރުގަދަ ސިޔާސީޒުވާން ގައިދީންގެ މަސައްކަތްތަކާ ގުޅުވައިގެން، ރާއްޖޭގެ އިސްލާހީ ހަރަކާތް އެކުގައި މުޅިން ނުހުއްޓި ކުރިޔަށް ގެންދެވުނެވެ. ސަރުކާރުން ބޭނުންވިގޮތަށް އެހަރަކާތުގެ ރޫހާއިވިންދު ދުއްވާލާއި މަރައެއް ނުލެވުނެވެ. އިސްލާހީ ހަރަކާތުގައި ސިޔާސީވިންދު ޖަހަމުން ދިޔައެވެ.
ތިންއަހަރު އިސާހިތަކު ނިމިގެން ދިޔައިރު އިސްލާހީ ހަރަކާތަށް ވަނީ އިތުރު ހަކަތައިގެ ވިންދަކާއި ދިރުމެއް ބޭރުންނާއި އެތެރެއިން ލިބިފައެވެ. ހަރަކާތުގެ މައިބަދަ ވަރުގަދަވެ ބަދަހިވެފައެވެެ. މިއީ އަޅުގަނޑު މެންގެފަރާތުން ދިވެހިރާއްޖެއަށް ކޮށްދެވުނު އެންމެބޮޑު ފައިދާއެވެ. މިއީ މުގައްދަސް ގުރުބާނީ ތަކެކެވެ. މާތް ޖިހާދެކެވެ. ދިވެހިތާރީޚުން ފޮހެނުލެވޭނެ ސަފްހާތަކެކެވެ. މި މަސައްކަތުން ދިވެހިރާއްޖޭގައި ފެށުނު، އިސްލާހި ހަރަކާތް ދިރިދެމި ހޫނު ވިންދެއްގައި ތެޅިލަތެޅިލައި ސިއްރު ހަރަކާތެއްގެ ގޮތުގައި މަރުވިޔަނުދީ ބޭއްވުނެވެ. އަދި ވަރަށްއަވަހަށް އަނބުރާ ދިރުންލިބި އަވަސް ހަރަކާތަކަށް ބަދަލުވީއެވެ.
މީގެ އެންމެ ވަރުގަދަ ދަލީލަކީ، 1990 ވަނަ އަހަރުން ފެށިގެން އެމްނެސްޓީން ނެރެމުން ގެންދެވި ރިޕޯޓުތަކެވެ. އިނގިރޭސި ޕެނުންނާއި އެމެރިކާގެ ޕެން ޖަމްޢިއްޔާގެ ފަރާތުން ކުރެއްވި މަސައްކަތެވެ. އަދި އީޔޫ އިންނާއި އެމެރިކާ އިން ކުރެއްވި މަސައްކަތެވެ. މިއީ، 2004 ގެ އެމްނެސްޓިގެ އިތުރު ރިޕޯޓެކެވެ. މިބުރުގައި އަޅުގަނޑު މެންނަށް ހުކުމް އިއްވުނަސް ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދެވުނެވެ. ހަގީގަތުގައި މި ލިބުނު ހީނަރުކަމަކީ، ކުރިޔަށް ދިއުމަށް އެޅުނު ވަރުގަދަ ބިންގަލެވެ. އިތުރު ގިޔަރަކަށް ލުމެވެ. ދަންނައެވެ! މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާހީ ހަރަކާތެއް އެބައޮޮތްކަން ބޭރު ދުނިޔެއަށް ހާމަވެގެން ދިޔަ ވަރުގަދަ ބިންގަލެވެ.
އާދެ! މިއަދު އަންނިގެ ތިމާގެބަޔަކު ހައްޖަށް ދާތީ ބައްދަލުކޮށްލަން ޖަލަށް ޒިޔާރަތްކުރިތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. އަދި ހަންނާނު ވެސް އޭނާގެ ދައްތައަކާ މިއަދު ބައްދަލުކުރިއެވެ. އަދި ސައްޕެ ވެސް އޭނާގެ ދައްތައާ މިއަދު ބައްދަލުކުރިއެވެ. އާދަކާދައިގެ މަތިން ރޭގަނޑު އިޝާނަމާދަށް ފަހު، ސިޔާސީ އަނގަތެޅުމާއި ސިޔާސީ ސައްލާކުރުމާއި މަޖާ ކުރުން އޮތެވެ. ގިނައިން ބައިވެރިވަނީ އަޅުގަނޑައި އަންނިއައި ދެން މިހަފްލާގައި ބައިވެރިވާން ކެރޭ ގައިދީންނެވެ.
15 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 509 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ބޭނުންވާ މީހަކަށް ދެވޭގޮތަށް ހުޅުވާލާފައި އޮންނައިރު ވެސް، މޫދަށް ނުކުންނަނީ މަދުބައެކެވެ. މިއަދު މޫދަށްދިޔައީ އަޅުގަނޑާއެކު އިތުރުފަސް ގައިދީންނެވެ.
16 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 510 ވަނަ ދުވަހެވެ. މިއަދު އަބްދުލްހަންނާނަށް އޭނާގެ ބައްޕައަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ޖަވާބެއް ފޮނުވާފައި އޮތެވެ. އެޖަވާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވަރަށް އަވަހަށް ލުއިގޮތްތަކެއް ވާނެކަމަށް ލިޔުއްވާފައެވެ. މިއީ އަބްދުލް ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު ރައީސް މައުމޫނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބެވެ. އަދި ހަންނާނަށް ގެއިން މިލިބުނު ސިޓީގައި ނޯބެގެ ވާހަކަވެސް ލިޔެފައި އޮތްކަމަށްވެއެވެ. ނޯބެގެއަށް ބަދަލުވެއްޖެ ކަމާއި އޭނާވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ޚަބަރުވަނީ ލިބިފައެވެ.
17 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 511 ވަނަ ދުވަހެވެ. މިއަދު އަންނިއާ ކެނެރީގޭ އަބްދުލްޖަލީލް، "އަބުޖީ" ބައްދަލު ކުރެއްވިއެވެ. އަބުޖީވެސް މިއަހަރު ހައްޖަށް ވަޑައި ގަންނަވަނީއެވެ. މިބައްދަލުވުން ތަކަށްފަހު، އަންނި ހުންނެވީ ވަރަށްހިތްވަރު ގަދަކޮށެވެ. އަބުޖީގެ ހިތްވަރުން ހިތްވަރު އާލާވެގެންނެވެ. މިއަދުހަވީރު އާދިލާއި ވިސާމް މާލެގެންދިޔައެވެ.
އެ ދެގޭގެ މީހުން ހައްޖަށް ފުރާތީ ބައްދަލުކޮށްލަން އެދިގެން މާލޭގައި އެކަން ކުރުމަށެވެ. މިކަންތައް އިންތިޒާމް ކުރެވުނީ ސިފައިންގޭގެ ތެރޭގައެވެ. އަނބުރާގެނައީ ދެގަޑިއިރު ފަހުންނެވެ. މިއަދު އަންނިއަށް ގެއިންލިބުނު ކޭކެއް ފެޅުންއޮތެވެ. މިކަން ކުރީ އެންމެން އެކުގައެވެ. ބޮޑުމަޖާގަނޑެއްގެ ގޮތުގައި މިކަން ކުރެވުނެވެ. މިފަދަ ކަންތަކުން ހުރިހާ ގައިދީންގެ ވިސްނުންތައް އެއްގޮތްވެ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ލީޑަރޝިޕް ވަރުގަދަ ވެގެން ދެއެވެ. އަދި އިޖްތިމާއީ ގުޅުން ބަދަހި ވެގެންދެއެވެ.
18 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 512 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ތާނގީއަށް ވާރޭފެންއަޅާ ފުރާލެވުނެވެ. ވިންޓަރަކީ ވަރަށް ގިނައިން ވާރޭފެނުން ފެންވަރާމީހެކެވެ. ފެންވަރާކޮންމެ ފަހަރަކު ބާލިދީއަކަށް ވާރޭފެން އަޅައިގެން އުޅޭތަން ފެނެއެވެ. މިނާހުންނަވާ ކޮޓަރީގައި ފާޚާނާއެއް ނުހުންނާތީ އަބަދުވެސް ބޭނުންކުރައްވާނީ ބޭރުގަހުންނަ ދެފާޚާނާއެވެ. ފެންވަރާ ހައްދަވާނީ އެދެފާޚާނާ ކުރިމަތީގައި އޮންނަ ތަޅުންކޮޅުގައި ހުންނަވައިގެން ފެން ތާނގީން ފެން ނަންގަވައި ގެންނެވެ.
19 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 513 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދިޔައީ އަޅުގަނޑާއެކު އެންމެތިން މީހުންނެވެ.
20 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 514 ވަނަ ދުވަހެވެ. މިއަދު ހަންނާނު މާލެ ގެންދިޔައެވެ. އަނބުރާގެންނަ ގޮތަށެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ރައްތިޔުންގެ މަޖިލީހުން ހުސްވިގޮނޑިޔަށް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭއާތިފު ކުރިމަތި ލެއްވި ވާހަކަ މިއަދު ރޭޑިޔޯއިން އިވުނެވެ.
21 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 515 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.
22 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 516 ވަނަ ދުވަހެވެ. މިއަދުވެސް ޚާއްސަކަމެއް ނެތެވެ. ޖަލުގެ އާދައިގެ މަތިން ކުރިޔަށްދިޔަ ދުވަހެކެވެ.
23 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 517 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު މޫދަށް ދިޔައީ ނުވަމީހުންނެވެ. މޫދުންކުދި ކުދިމަސް ހިފައިގެން ގެނެސް ކައްކާލައިގެން ކާއްޓައި އެކު ކާލީއެވެ.
24 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 518 ވަނަ ދުވަހެވެ. މިއަދު ހަންނާއި ޅަރީތި އަހްމަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރުވަގުތެއްގައި ޅަރީތި އައުމުން އޭނާގެ ބައްޔަކީ، ލޮލުރޯގާ ކަމަށްވާތީ ވަކިކޮޓަރިއަކަށް ބަދަލުކުރިއެވެ.
25 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 519 ވަނަ ދުވަހެވެ. މިއަދު ކެޕްޓަން މުއާޒު ގޭގެ މީހުން، އޭނާއާ ބައްދަލުވާން އައެވެ. މިތާތެރޭގައި ވާރޭފެން އަޅަންގެންގުޅޭ ތާނގީރަނގަޅު ފެންވަރަކަށް ބެހެއްޓުމަށް ކޮންކްރީޓްކޮށް ބުޑެއްއެޅުމުގެ މަސައްކަތް މިއަދުކުރެވުނެވެ. މިމަސައްކަތުގައި އަޅުގަނޑުމެން ވެސް ބައިވެރިވީމެވެ.
އަންނިގެ ކޮއްކޮ އައިމިނަތު ނާޝިދާ ނާއްކޮ، މިއަދު އަންނިއާ ބައްދަލުކުރަން އައެވެ. މާލޭގެޚަބަރުތައް ލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވުމުންހުސްވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް، އަލްފާޟިލް އިބްރާހީމް ނޫރައްދީން ކުރިމަތިލެއްވި ވާހަކަބުއްޏެވެ. މިއީ އަޅުގަނޑު މެންނަށް ލިބުނު ހިއްވަރެކެވެ. ސިޔާސީ އެދުންތަކާއި ހިއްސުތައް އުފުލުނު ކަމެކެވެ. އަޅުގަނޑު މެންގެ ރޫހު އާލާކޮށްލުވި ޚަބަރެކެވެ.
26 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 520 ވަނަ ދުވަހެވެ. މިއަދު މުފީއްޓޭ މާލެ ގެންދިޔައެވެ. އަބްދުﷲ ހުސައިނާއި އަޒްމީލާއި ޒަހީނު ވެސް މާލެ ގެންދިޔަ ޚަބަރުލިބުނެވެ. އެވެރިންގެ ސަލާމް ލިބުނެވެ. އަދި ހާލު ރަނގަޅު ކަމުގެޚަބަރު ލިބުނެވެ.
27 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 521 ވަނަ ދުވަހެވެ. މިއަދު ހެދުނު މާލޭގައި، 9:00 ޖެހިއިރު މާލޭ އިޖްތިމާޢީ މަރްކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު އޮތެވެ. މިއީ މަޖީދީމަގު މާފަންނުކޮޅުން ނިމޭހިސާބުގައި މާފަންނު މަދްރަސާ ކުރިމަތީގައި އޮންނަބިމުގައި ޖަޕާނުސަރުކާރުގެ ހިލޭއެހީގައި ބިނާކޮށްދެއްވި ވަރަށް ބޭނުންތެރި މަރުކަޒެކެވެ. މިމަރުކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު ތަޢާރުފްކޮށް ދެއްވީ، އަލްފާޟިލް އަބްދުﷲ ކަމާލުއްދީނެވެ. ނަމަކީ، މޯލްޑިވްސް ސެންޓަރ ފޯރ ސޯސިއަލް އެޑިއުކޭޝަނެވެ. (އެމްސީއެސްއީ) އެވެ. އިޖްތިމާޢީ ތައުލީމުދޭ މަރުކަޒެވެ.
މިރަސްމިއްޔާތުގައި އަލްއުސްތާޒު އަބްދުﷲ ހަމީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއަށް ފަހު ވާހަކަފުޅު ދެއްކެވީ ދުވަހުގެ ޝަރަފުވެރި މެހްމާން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމެވެ. ރާއްޖޭގެ ރައްޔިތުންނަކީ، ވަރަށް ޒުވާން ބައެއްކަމަށް ވިދާޅުވިއެވެ. ބަރާބަރު ހެދުނު، 10:18 ވަނަމިނެޓްގައި މިމަރްކަޒު ހުޅުވައިދެއްވީ ރިމޯޓްކޮށެވެ. ބަޓަނަކަށް ފިއްތަވާލައްވައި ގެންނެވެ. އެއާއެކު ނަންބޯޑުގައި ދެމިފައިހުރި ފަރުދާކަޝްފުވެގެން ދިއުމުން މިރަސްމިއްޔާތު ނިމުނީއެވެ.
ނަންބޯޑު ހުރީ މަޖީދީމަގަށް ފެންނަގޮތަށެވެ. މާފަންނު ސްކޫލް ކުރިމައްޗަށް ފެންނަގޮތަށެވެ. މިއީ އަޅުގަނޑުމެން ބަންދުކުރިފަހުން އެޅިތަނެކެވެ. މިވާހަކަތައް އަޅުގަނޑު އަޑުއެހީ ރޭޑިޔޯއިންނެވެ. މިއަދު މާލެގެންދިޔަ ފާޒިރާއި ޅަރީތި އަހްމަދު ހަވީރު ދޯނިންގެނައެވެ. އަދި އިރުކޮޅަކަށް ފަހު، އެދެމީހުން ނެރެގެން ގެންދިޔައީ އެމީހުންގެ ސާމާނާއެކުގައެވެ. ލަފާކުރެވެނީ މާލެއަށް ބަދަލުކުރަނީ ކަމަށެވެ.
އަދި މިއަދު އިސްތަފާ އިބްރާހީމް މަނިކާއި ރަންކޮކާރަޝީދު، މިދެބޭފުޅުން ވަޑައިގެން، އަޅުގަނޑާއި އަބްދުއްރައްޒާގު ޖަލުއޮފީހަށް ނެރުނެވެ. އަޅުގަނޑުމެން ދެމީހުން ގެންދަވާފަ ވިދާޅުވަނީ، މިގެނައީ ތިޔަދެމީހުން ޖަލުގައިތިބެގެން ގެއަށް ސިއްރުންފޮނުވި ސިޓީގެ މައްސަލަ ޝަރީޢަތަށް ނުފޮނުވާގޮތަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވީމާ އެވާހަކަ އަންގައިދޭން ކަމަށެވެ. މިގޮތަށް އަޅުގަނޑުގެ ފައިލުގައި ލިޔުމަށް ފަހު، ސޮއިކުރުވާ އެކަންތައް މުޅިންނިންމާ ލެއްވީއެވެ.
އަބްދުއްރައްޒާގު ލައްވާވެސް މިގޮތަށް ސޮއިކުރުވިއެވެ. މިދެބޭފުޅުން ފުރަންދެން ފާޒިރާއި ޅަރީތި އާ ދެމީހުން އޮފީހުގައި ބައިތިއްބާފައި ތިއްބާފެނުނެވެ. މިދެމީހުން މާލެގެންދަނީ އިސްތަފާމެން މާލެވަޑައިގަންނަވާ ދަތުރުގައެވެ. މިމީހުން މިއަދު ފުރުމުން މިބައިންދެޖާގަ ހުސްވީއެވެ. ހަމަމިއަދު މުފިއްޓޭ ނެރެގެން ވެސް ވާހަކަތަކެއް ދެއްކެވިއެވެ. އަދި އަޅުގަނޑު ކޮޓަރިއަށް ފޮނުވާލެއްވުމުގެ ކުރިން އިސްތަފާ ވިދާޅުވިއެވެ. ބޭރަށް ނުކުތުމަށާއި މިސްކިތައް ނުކުތުމަށާއި އެހެނިހެންކަންތައް ކުރުމަށް އަޅުގަނޑުމެން ޓޭބަލެއްހަދާފައި އޮފީހަށް އެންގުމުން އެކަންތައް ވީހާއަވަހަށް ހަމަޖައްސައި ދޭނެއެވެ.
އަދި ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދޭނެވާހަކަ ވެސް ވިދާޅުވިއެވެ. އަދި މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް އަންނިއާ އޭނާގެބައްޕަ ކެރަފާ އަބްދުއްސައްތާރު އާ ބައްދަލު ކުރެއްވިއެވެ. އަންނިއަށް ކެއުމުގެ ވަރަށްގިނަ ސާމާނު މިއަދު ގެއިންލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ހުސްވި މާލޭގެ ގޮނޑިއަށް، 11 ބޭފުޅަކު ކުރިމަތިލެއްވި ޚަބަރުލިބުނެވެ. އިބްރާހީމް ނޫރައްދީނު ވެސް ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ.
28 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 522 ވަނަ ދުވަހެވެ. މިއަދު ރަޣީބު އަލީ ގޭގެ މީހުން އޭނައާ ބައްދަލު ވުމަށްއައެވެ. ރޭގެ ނިދީގައި ހުވަފެނުން ފެންނަނީ، މާފަންނު ދާންނާގޭ ބިޝާރާއިބްރާހީމް ދީދީއެވެ. މިއީ ކުޑައިރުގެ ވަރަށްގާތް ރަށްޓެއްސެކެވެ. ޖަވާހިރުވާދީ ކުރިމަތިން ހުންނާނީ، ދާންނާގެއެވެ. ބިޝާވަޑައިގެން ވަރަށްރީތިކޮށް އަޅުގަނޑާ ވާހަކަދައްކަވާ މަންޒަރެވެ. ދެން މާގިނައިން ނުފެންނާނެ ވާހަކަ ވިދާޅުވި ހިސާބުން ހޭލެވުނީއެވެ. އަޅުގަނޑު ނިންމީ ދެން ބިޝާރާ ގެއްލުނީކަމަށެވެ!
29 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 523 ވަނަ ދުވަހެވެ. ރޭއްސުރެ ސައްޕެ އުޅެނީ ބޮލުގައި ރިއްސާތީ އެކަމެއްގައެވެ. ހުންވެސް ގަދަކޮށެވެ. އަޅުގަނޑުމެންނަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދެމުން ގެންދެވުނެވެ. އޮފީހާގުޅައިގެން ބޭސްއިތުރަށް ހޯދީމެވެ. މިއަދު މޫދަށް ނެރުނެވެ. ދިހަވަރަކަށް މީހުންމޫދަށް ނުކުތެވެ.
30 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 524 ވަނަ ދުވަހެވެ. މިއަދު ސައްޕެ އާއި ރިޝްވާނު މާލެ ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ސައްޕެގެ ހާލު ހުރީ ތަންކޮޅެއް ރަނގަޅުވެފައެވެ. އެހެނަސް ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. ސައްޕެ ޖަލުގައި ހުންނަވައިގެން ފަރުމާކުރި އާޖަލުގެ ކުރެހުން، މާލެގެންގޮސް ހުށަހެޅުއްވި ވާހަކަ ސައްޕެ ބުންޏެވެ. އަދި އިލްޔާސް އަބްދުﷲ ރޯދަމަސް ނިމުމުން އަނެއްކާވެސް އަރުވާލުމަށް ޕްރިސަންސަށް ގެންގޮސްފައި އިންނަވަނިކޮށް ސައްޕެއާ ބައްދަލުވިކަމަށް ބުންޏެވެ.
އިލްޔާސް އަބްދުﷲގެ ސަލާމް އަޅުގަނޑުމެންނަށް ގެނެސްދެއްވިއެވެ. މިއަދު ވިސާމާއި އާދިލް ގޭގެ މީހުންނާ ބައްދަލުކުރުން އޮތެވެ. ވަކި އާޚަބަރެއް ނުލިބެއެވެ. މާދަމާއަކީ، ސިގިރޭޓް ނުބޯދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައިހަމަޖެހި އެކަންރަސްމީގޮތުން ފާހަގަކުރާ ޚަބަރު ލިބުނެވެ. ސަރުކާރުގެ އެއްވެސް ތަނެއްގައި ސިގިރޭޓު ނުބުއިމަށް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ގޮވާލެއްވި ޚަބަރު ވެސް މިއަދު ރޭޑިޔޯއިން ލިބުނެވެ.
31 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 525 ވަނަ ދުވަހެވެ. ވަކި ޚާއްސަކަމެއް ނެތެވެ. މަންމައަށް ސިޓީއެއް ލިޔެލަން ހިތަށްއެރިއެވެ. އެހެނަސް މާދަމާ ލިޔެލާނީއޭ ހިތަށްއަރާ އެކަން ހުއްޓާލީއެވެ.
1 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 526 ވަނަ ދުވަހެވެ. މިއަދު ލޮބުވެތިމަންމައަށް ސިޓީއެއްލިޔެ ގެއަށްފޮނުވާ ލުމަށްޓަކާ ޖަލުގެ އޮފީހާހަވާލު ކުރީމެވެ. މިއަދު މުފިއްޓެ މާލެ ގެންދިޔައެވެ. އަދި މިއަދު އަޅުގަނޑުގެ ކޮއްކޮ އިފްހާމް ހުސައިން ލަންކާއަށް ކިޔަވަންފުރި ޚަބަރު ލިބުނެވެ. މިއީ އަމިއްލަ ޚަރަދުގައި ލަންކާގައި ހުރެގެން ކިޔެވުމަށް ކުރާ ދަތުރެކެވެ.
2 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 527 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވާރޭ ފުދޭވަރަކަށް ވެހުނެވެ. ތާނގީއަށް ފެންނަގާ ފުރާލެވުނެވެ. އަދި ގަސްއިންދުމުގެ ޕްރޮގްރާމެއް ބޭއްވުނެވެ. މިތާތެރޭގައި ޓުމާޓޯގަސް އިންދީމެވެ. އަދިފަޅޯ ގަސް އިންދީމެވެ. އަދި ޖަލު އޭރިޔާ ބޭރުން ވަކި ސަރަހައްދެއް ހޯދައިގެން ގަސްއިންދަން ފެށުމަށް ރޭވުނެވެ. އަންނި ރުކެއްރާ ކުރަންވެސް ވާހަކަ ދެއްކެވިއެވެ.
3 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 528 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެ ގެންދިޔައެވެ. ރޭގައި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑު ގާތުގައި ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭނެ ކަމަށާއި ކުޅެންބޭނުންވާ މީހަކަށް ކުޅެން ވެސް ނުކުމެވޭނެ ވާހަކަ ބުންޏެވެ. ނާޒިމް ބޭނުންވަނީ ވީހާބޮޑަކަށް ދޫދޭށެވެ.
މިއަދު، އެލިޔާގައި އުޅުނު، ނިޒާރު ކޯޓަށް ގެންގޮސް އޭނާގެމައްޗަށް ކުރެވުނު ސަލްޓަންޕާކުގެ ކަޓޫރާބޮމުގެ މައްސަލައިގެ ޝަރީއަތް ސާބިތުނުވާ ކަމެއްގެ ގޮތުގައި ނިންމަވާލެއްވި ޚަބަރުލިބުނެވެ. އަދި އިފްހާމްގެ ސިޓީއެއް ލިބުނެވެ. އޭގައި އޭނަ، އެކެއް ޖޫންގައި ލަންކާއަށް ކިޔަވަން ދިއުމަށް، ފުރާ ވާހަކަ ލިޔެފައި އޮތެވެ. އަދި ގޭގެ ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެ ހާލުވެސް މުޅިން ރަނގަޅުކަމަށް ލިޔެފައިއޮތެވެ.
4 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 529 ވަނަ ދުވަހެވެ. މިއަދު އީރާނުން އަޅުގަނޑަށް ފޮނުވަމުން ގެންދާ މަޖައްލާއެއް ކަމުގައިވާ، “މަހްޖޫބާ” މަޖައްލާގެ ކޮޕީއެއް ގެއިން ފޮނުވާފައި އޮތެވެ. އަދި ޕްރިސަންސް ޑިވިޒަނަށް، ގާމާދޫގައި ހުންނަ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދާ ބައްދަލުކޮށް ދިނުންއެދި ސިޓީއެއް ލިޔުނީމެވެ.
5 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 530 ވަނަ ދުވަހެވެ. މިއަދު ބޭނުންވާހާ ބަޔަކު އެކުގާ މޫދަށްނެރެދިނެވެ. ދިހަ މީހުންނަށް ވުރެގިނަ ވެއްޖެނަމަ ނެރެދެނީ ދިހަމީހުން ދިހަމީހުނަށް ބަހާލައިގެން ދެބުރަކަށެވެ. އަޅުގަނޑު މޫދަށްދިޔައީ ފުރަތަމަ ބުރުގައެވެ. ފަހުބުރުގައި މޫދަށް ދިޔައީ، މުފިއްޓޭ އެކަންޏެވެ. އޭނައަކީ އަބަދުވެސް އެކަނި ބޭރަށް ނުކުމެވޭތޯ ބަލާ މީހެކެވެ. މިކަހަލަ ބައެއް ކަންތަކުން މީނާ އާއި ޖަލުގެ އިސްވެރިންގެ ތެރެއިން ބަޔަކާގާތް ގުޅުމެއް އޮންނަހެން ވެސް ހީވެއެވެ.
6 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 531 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ.
7 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 532 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެ ގެންދިޔައެވެ. އަދި މިއަދަކީ ހައްޖުމަހުން، 6 ވަނަ ދުވަހެވެ. ހިޖްރީސަނަތުން، 1412 ވަނަ އަހަރެވެ.
8 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 533 ވަނަ ދުވަހެވެ. މިތާގައި ބަންދުގައި ހުންނަ، އަބްދުލްޣައްފާރު މިއަދު ހިންމަފުށީ ކޯޓަށް ގެންދިޔައެވެ. އެހެނަސް ގާޒީނެތިގެން އެއްވެސްކަމެއް ނުހިންގުނެވެ. އަނބުރާޖަލަށް ގެނައީއެވެ. މީނާއަކީ ސިޔާސީ ބަންދެއްގައި ހުންނަ މީހެއްނޫނެވެ. ދޮންދަރިއަކާ ބެހިގެން ޖަލުގައި ހުންނަމީހެކެވެ. މި ދުވަސްވަރަކީ މިކަހަލަ ޝަރީޢަތްތައް ވަރަށް ސިއްރުން ކުރާ އިރެވެ. ހީވަނީ ހިންމަފުށީ ކޯޓުން މި ހުކުމް އިއްވަން ރޭވުމަކީ ވެސް އެކަހަލަ ކަމެއްގެ ދަށުން ހިނގާ ކަމެއް ހެންނެވެ.
މިއަދު ރޭޑިޔޯއިން ޚަބަރުލިބުނު ގޮތުގައި މާފަންނު ތީމުގޭގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަޅުއްވައި ދެއްވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ސަލާމަތީ ކަންތަކާ އެކު ބިނާކުރައްވާ ރިޔާސީ ގަނޑުވަރެކެވެ. މިގަނޑުވަރު ޑިޒައިންކޮށްފައި ވަނީ، ވަރަށްގިނަގުނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނައިގެން ކަމަށް އަޑުއިވިފައި ވެއެވެ. ރާއްޖޭގެ ވެރިމީހާއަށް މިފަދަ ތަނެއް ބިނާކުރެވިފައި ހުރުމަކީ ރައްޔިތުންގެ އިއްޒަތާއި ޝަރަފް ރަމްޒުކޮށްދޭނެ ކަމެކެވެ. އަހުރެން ތާއީދު ކުރާކަމެކެވެ.
9 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 534 ވަނަ ދުވަހެވެ. މިރޭ ރޭޑިޔޯ ޚަބަރުގައި ރައްޔިތުން މަޖިލީހުން ހުސްވެފައިވާ މާލޭގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރެއްވި ޚަބަރުލިބުނެވެ. އެލިސްޓުގައި، 11 ބޭކަލުންގެ ނަންއޮތެވެ. ވޯޓުލުން އޮންނަނީ ޖުލައި، 3 ވަނަ ވާ ހުކުރު ދުވަހުއެވެ. މަޝްހޫރު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭ އާތިފާއި އައްނަބީލް އިބްރާހީމް ނޫރައްދީނާއި މާދޫގޭ އަހްމަދު އަސްލަމާއި ރީކޯމޫސާމަނިކާއި އަހްމަދު މުއިޒު އެލްއެލްބީ އެވެ.
ދެންތިއްބެވި ގްރޫޕްގެ ތެރޭގައި ހިމެނެނީ، ހަސަންނޫރީ އަކާއި އަބްދުﷲ ރަޝީދަކާއި އަހްމަދުޙަލީމަކާއި މުހަންމަދު އަބޫބަކުރު ފުޅު އަކާއި ސިއްކަ އިބްރާހީމް އިސްމާއީލް މަނިކު ފަދަ ބޭފުޅުންކޮޅެކެވެ. މިދެންނެވި، 11 ބޭފުޅުންނެވެ. ޖަލުގައި ތިބޭއިރު މިފަދަ މައުލޫމާތަކީ ވަރަށް ޝައުގުވެރި ކަމާއެކު އަޑުއަހާ ނޯޓުކޮށްހަދާ މައުލޫމާތެވެ. މިއަދު ހަވީރުވަގުތެއްގައި އަންނި، ގޭގެ ބޭފުޅުންނާ އެކު ބައްދަލުވުމެއް ޖަލުގެ ސަރަހައްދުގައި އޮތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ.
މިއަދު ހަވީރު ވަގުތެއްގައި އިސްތަފާ އިބްރާހީމް މަނިކު ޖަލަށްވަޑައިގެން އަޅުގަނޑުނެރެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. ވަރަށްވާހަކަ ދެއްކެވިއެވެ. އަދި އަޅުގަނޑު ސިޓީއަކުން އެދިފައި ހުރި ހުރިހާކަމެއް ހަމަޖައްސައި ދެއްވިކަމަށް ވިދާޅުވިއެވެ. އަދި މިކަންމިކުރެއްވީ ރައީސް މައުމޫނާ މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ދީލަތި އެހީ ފުޅުންކަމުގައި އަޅުގަނޑަށް ވިސްނައި ދެއްވިއެވެ. އަދި ޖަލުގައި ރަނގަޅަށް އުޅުމަށް ނަސޭހަތްތެރި ވެލެއްވިއެވެ.
އަޅުގަނޑު އެދުނުގޮތަށް ގޮޅިންބޭރަށް ނުކުތުމަށާއި ކަސްރަތުކޮށް ވޮލީކުޅެއުޅުމަށް އަދި މިސްކިތަށް ދިއުންފަދަ ހުއްދަތައް ހަމަޖެހިފައި ހުންނާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންގެތެރެއިން ފަސްމީހަކު ހަމަޖައްސައި ޖަލުގެ އެންމެން ފަސްބަޔަށްބަހާއި މިއިންކޮންމެ މީހަކާ ގްރޫޕެއް ހަވާލުކޮށް ފޮތެއްގައިލިޔެ އެކަންތައް އެފަސްމީހުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ޒިންމާ އުފުލާގޮތަށް އެފަސްމީހުންނާ މިކަންތައް ހަމަ އެދުވަހު ހަވާލު ކުރެވުނެވެ.
މިގޮތުން ހަމަޖެއްސި ފަސްގުރޫޕްގެ ފަސްލީޑަރުންނަކީ، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމާއި ވިސާމާއި ކަރޯރިޝްވާނާއި މުފިއްޓޭއާއި އަބްދުލް ޣައްފާރެވެ. މިމީހުންމިކަންތައް ކުރޭތޯބެލުމަކީ އިލްޔާސްގެ ކަމެއްކަމަށް އިސްތަފާ، އަޅުގަނޑުގާތުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުގެ ކޮއްކޮ އިބުރޭ ވަރަށް އަވަހަށް ޖަލުގެ މިބަޔަށް ބަދަލުކޮށްދޭނެ ވާހަކަވެސް އިސްތަފާ ވިދާޅުވިއެވެ. މިބައްދަލުވުން ނިމުނީ އިރުއޮއްސުނު ފަހުންނެވެ.
ރޭގަނޑު، 10 ޖެހިތަނާ ޖަލުބަލަހައްޓާ ނަސީމު، އިބުރޭއާއި އިބުރޭގެ ސާމާނާއެކު މިތަނަށްގެނެސް މިބަޔަށް ވައްދައި އަޅުގަނޑުގެ ކޮޓަރީގައި ހުންނަގޮތަށް ހަމަޖެއްސެވިއެވެ. ދެން މިބައިގާ ހުސްކޮށް ހުންނާނީ އެކެއްގެޖާގައެވެ. 17 މީހުން އަނެއްކާވެސް ހަމަވީއެވެ. އިބުރޭ އެއްތަނެއްގައި އެއްކޮޓަރިއެއްގައި އުޅޭގޮތަށް ހަމަޖެހުމުން ވަރަށް އުފާވިއެވެ. ޕާކިސްތާނުގައި ކިޔަވަން ތިބި އިރުވެސް އަޅުގަނޑުމެން ދެމީހުން އުޅުނީ އެކުގައެވެ. އެއް ކޮޓަރީގައެވެ. މިހާތަނަށް އަޅުގަނޑު އެދުނު ހުރިހާކަމެއް ހަމަޖެހިގެން ދިއުމުން، ﷲއަށް ޝުކުރު ދަންނަވާއި ދުޢާކުރީމެވެ.
10 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 535 ވަނަ ދުވަހެވެ. މިއަދަކީ ހައްޖުވެރިން ޢަރަފާތުބިމުގައި ތިބޭދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ޢަރަފާތް ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ރޭޑިޔޯއިން މިކަންތައް އެނގުނެވެ. މިއަދު މެންދުރު ނަމާދަށް މިސްކިތަށް ދިއުމަށް ހުއްދަލިބުމާ ގުޅިގެން ފުރަތަމަފަހަރަށް މިސްކިތަށް ނުކުތީމެވެ.
މިއީ ޖަލުގައި މިސްކިތަށް ނަމާދަށް ދެވުނު ފުރަތަމަ ފަހަރެވެ. އަދި ހަވީރު އެންމެން އެކުގައި ކުޅޭށާއި ކަސްރަތަށް ބޭރަށް ނެރުނެވެ. 4:15 އިން 5:15 އަށެވެ. ވޮލީ އާއި ފުޓްބޯޅަ ކުޅެ ނިމިގެން ޖަލުތެރެއަށް ވަނީ މޫދަށް ވެސް އެރިފައެވެ. މިހާރު ހީވަނީ މިނިވަން ބައެއްހެނެވެ. މިކަމާ ހުރިހާ ގައިދީން ވެސް ވަރަށް ހިތްހަމަޖެހުނެވެ. ހުރިހާ ނަމާދަކަށް މިސްކިތަށް ނުކުމެވެން ފެށީއެވެ. އަލްޙަމްދު ލިއްލާހި!
11 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 536 ވަނަ ދުވަހެވެ. އާދެ! މިއަދަކީ ބޮޑުޢީދު ދުވަހެވެ. 1412 ވަނަ އަހަރުގެ ޢީދުލްއަޟްޙާ ދުވަހެވެ. މާއާޒު، ސައްޕެ، ހަންނާނުއަށް އެބޭފުޅުންގެ ގޭގެއިން ކާނާ ފޮނުވިއެވެ. އެންމެން އެކުގައި ވަރަށްމަޖާ ކެއުންގަނޑެއް ކާގޭގައި ތައްޔާރުކޮށްގެން ކެއުމެއް އޮތެވެ. މިއަދު ފަތިސްނަމާދު މިސްކިތުގައި ކުރުމަށް ފަހު އައިސް ނިދާފައި އޮއްވާ ފެނުނު ހުވަފެނަކީ، އަޅުގަނޑުގެ ކުރީގެ ރަހްމަތްތެރި އެކުވެރިޔާ، އައިންތުއާއެކު މާލެ އައިސް ޖަވާހިރުވާދީ ތެރޭގައި އުޅޭތަނެވެ. އައިންތު މާލެ އައިސް ހުރީ އޭނާގެ ބިދޭސީ ފިރިމީހާ ގާތުން ވަރިވެގެންނެވެ.
އައިންތުއާއެކު ރީތިރީތި ދެދަރިކަލުން ވެސް ތިއްބައި ފެނުނެވެ. ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖެކެވެ. އައިންތު އެކުދިން އަޅުގަނޑަށް ތަޢާރުފްކޮށްދީ ހަދާތަން ފެނުނެވެ. ގޭގެ ތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ހޭލެވުނު އިރު އޮތީ، ޖަލުގައި އަޅުގަނޑުނިދާ އެނދުގެ ގޮދަޑިމަތީގައެވެ. މިހުވަފެނާމެދު ވިސްނާއި ފިކުރުކޮށް ލީމެވެ. ތަޢުބީރަކަށް ނިންމައި ހިތް ހަމަޖައްސާލީ، ކޮންމެވެސް ދުވަހަކުން އައިންތުއާ އަދި ބައްދަލުވާނެ ކަމަށެވެ. އެހެނަސް އަޅުގަނޑު މެންދެމީހުން ގުޅިގެން ދިރިއުޅުމެއް ނުފެށޭނެ ކަމަށެވެ. ހަޔާތުގެ ބައިވެރިއަކަށް ނުވާނެ ކަމެވެ!
12 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 537 ވަނަ ދުވަހެވެ. ކޮންމެނަމާދު ވަގުތަކަށް މިސްކިތަށް ދާކުދިން ވަރަށް ގިނައެވެ. ބައެއްފަހަރު ފަތިސް ނަމާދަށް ބަންގިގޮވަން ޖެހެނީ އަޅުގަނޑަށެވެ. މިއީ އިމާމަކަށް ވަކި މީހަކު ހަމަޖައްސާފައި ނުހުންނާތީ ވާގޮތެވެ. މިސްކިތުގައި ބަންގި ގޮވާށާއި ޖަމާއަތުގައި ނަމާދުކޮށް ދޭން އަމަލީގޮތުން ދަސްވީ ޖަލުގެ މިސްކިތުންނެވެ. މިއީ ކިޔެވި އިރުވެސް ކުރިކަމެއް ނޫނެވެ.
13 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 538 ވަނަ ދުވަހެވެ. ކުޅުމަށާއި މޫދަށް އެންމެން ނެރުނެވެ. މިއަދު ކެޕްޓަން މުއާޒަށް އެނާގެ ގެއިން އޭނާއަށް ކާނާލިބުނެވެ.
14 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 539 ވަނަ ދުވަހެވެ. ރޭޑިޔޯއިން އެނގުނުގޮތުގައި މިއަދަކީވެސް ރަސްމީ ބަންދު ދުވަހެކެވެ.
15 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 540 ވަނަ ދުވަހެވެ. މިއަދު ހަވީރު ކުޅިވަރަށާއި މޫދަށް ނެރުނެވެ. މިއަދަކީ، ޢީދުބަންދުގެ ފަހުދުވަހެވެ.
16 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 541 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދަށްފަހު، ރަސްމީކޮށް އޮފީސްތައް ހުޅުވުނު ދުވަހެވެ. ރޭގައި ނިދާފާއޮއްވާ ފެންނަހުވަފެނަކީ، ބިޝާރާއިބްރާހީމް ދީދީއާ އެކު ދާންނާގޭގައި މަޖާކުރަން އުޅެނިކޮށެވެ. ބިޝާގެ ބައްޕަ އިބުރާހީމް ދީދީ ވެސް އުޅުއްވާތަން ފެނެއެވެ. މިއީ ވަރަށްމަޖާ ހުވަފެނެކެވެ. އަދި ބިޝާރާގެ މަންމަވެސް އެގޭތެރޭގައި އަޅުގަނޑު މެންނާއެކު އުޅުއްވާތަން ފެނުނެވެ. ހޭލެވުމަށް ފަހު، އައިންތު ފެނުނުރޭގެ މަތިންހަދާން ވިއެވެ.
17 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 542 ވަނަ ދުވަހެވެ. ރޭގައި އެކުގައި ތިބީ ހޭލައެވެ. ނުނިދައެވެ. ވޮލީކުޅޭނެ ދާގަނޑެއް ގަތަންވެގެންނެވެ. ދާގަނޑުގެ ބޮޑުބައި ގަތައިދިނީ، އަބްދުލްޣައްފާރެވެ. އޭނާއަކީ އެއްވެސް ކުޅިވަރެއްކުޅޭ މީހެއްނޫނެވެ. އެހެނަސް ކުޅިވަރަށް ފޯރިދޭމީހެކެވެ. އަޅުގަނޑުމެން ކުޅޭތަން ކޮންމެ ދުވަހަކުވެސް ބަލަން ނުކުންނާނެއެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު ހަވީރު ޖަލުގެ މިބަޔަށް އިސްތަފާ އާއި ގަސް އިބްރާހީމް މަނިކު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.
18 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 543 ވަނަ ދުވަހެވެ. މިއަދު ކޮއްކޮ އިބުރޭ އޭނާގެ އަންހެނުން އަންދިއާއި ދަރިފުޅު ނީޝާނާ ބައްދަލުކުރިއެވެ. އަދި އަޅުގަނޑާއި އިބުރޭއައި ދެމީހުންނާ، ދޮންދައްތަ އާއި ފިދާ އާއި ވިދާ އާއި ޖެފްރީ އާއި މާއު އާއި މަންމަ އާއި ތުއްތަ އާއި ތުއްތުބޭ އާ އެންމެންއެކުގައި ބައްދަލުވުން އޮތެވެ. އެންމެންއެކުގައި ބައްދަލުވުމުން ވަރަށް އުފާވިއެވެ. މާމަގެހާލު އޮޅުންފިލިއެވެ. އަދި މިދުވަސްކޮޅު ވަރަށް ރަނގަޅުކަމަށް ބުންޏެވެ.
ގެއިންބައެއް ސާމާނާއި ކެއުމުގެބާވަތްތައް ލިބުނެވެ. ކޮއްކޮއާއި ދެމީހުން އެއްކޮޓަރިއެއްގައި އުޅޭތީ ވަރަށްގިނަ ކަންތަކަށް ފަސޭހައެވެ. އަދި ޢަރަބި ޑިކްޝެނެރަރީއެއް ކަމުގައިވާ “އަލްމައުރިދު” މިއަދު ގެއިންލިބުނެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަންމަ ދެއްވިޚަބަރެއް ލިޔެލާނަމެވެ. ވަކިވަކިން ޒާހިރު ހުސައިނާއި އިސްތަފާއާއި މުހަންމަދު ރަޝީދުއިބްރާހީމާ ސީނާޒާހިރު، މިއެންމެންނާ މަންމަ ބައްދަލުކުރީމޭ ބުނުއްވިއެވެ.
ޒާހިރުހުސައިނުގެ ވާހަކަފުޅުތައް ވަރަށް ރަނގަޅުކަމަށް މަންމަ ބުނެދެއްވިއެވެ. ވަރަށް އޯގާތެރިކަމާއެކު ވާހަކަދެއްކެވި ކަމަށް ބުނުއްވިއެވެ. އެހެން ބޭފުޅުންގެ ވާހަކަތައް މާރަނގަޅު ނޫންކަމަށް މަންމަ ބުނެދެއްވިއެވެ. އަދި މިއަދު އަބްދުﷲ ސަލީމާއި ހަންދުއާއި ބިގޭއާއި ކިޔޮޅު، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި ކޯޓަށް ގެންދިޔަ ޚަބަރު ލިބުނެވެ. ކުރީދުވަހު ކޯޓަށްދީފައިވާ ބަޔާނުގައި ސޮއިކުރުވުމަށެވެ.
19 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 544 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކުޅެން ބޭރަށް ނެރުނެވެ. އަބްދުއްރައްޒާގަށް އޭނާގެގެއިން ފޮތާއި ފަންސޫރާއި ވޯކްމަނެއް މިއަދު ލިބުނެވެ.
20 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 545 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ސިފައިންގެ ވެރިއެއްކަމުގައިވާ، މޫސާއަލީ ޖަލީލާއި ނާޒިމާއި އަދި މީގެއިތުރުން، ޓާސްކްފޯސްގެ ތިންބޭފުޅުން ވަޑައިގެންނެވިއެވެ. މައިގަނޑު ގޮތެއްގައި އެބޭފުޅުން ބައްދަލުކުރީ ސައްޕެއާއެވެ. ސައްޕެ މުޅިންއާގޮތަކަށް ޖަލެއްފަރުމާ ކޮށްދޭތީ އެކަމާ ޚިޔާލު ބަދަލުކޮށް ލުމަށް ވަޑައިގެންނެވި ވަޑައިގަތުމެއް ކަމަށްވެއެވެ.
ސައްޕެ ކުރަހަމުންދިޔަ ފަތްފުށްތައް ބައްލަވައި ލެއްވިއެވެ. އަދި ސައްޕެކޮޓަރީގެ ފާޚާނާވެސް މިބޭފުޅުން ބައްލަވާ ލެއްވިއެވެ. އަދި ސައްޕެއާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. އެއަށްފަހު އެބޭފުޅުން ވަޑައިގަތީ އެވެ. އިތުރުއެހެންކަމެއް ނުކުރައްވައެވެ. އަޅުގަނޑުގެ ހާލުއަހުވާލު މޫސާޖަލީލި އައްސަވާ ލެއްވިއެވެ. އެއީ އަބަދު ވެސް އަޅުގަނޑައި ހިތްހެޔޮ ގޮތެއް ބަހައްޓަވާ ބޭފުޅެކެވެ. އަދި އަބަދުވެސް އެބޭފުޅާއަކީ އަޅުގަނޑާ ވާހަކަދައްކަވާ ހައްދަވާ ބޭފުޅެކެވެ. އަދި މިއަދު އަބްދުއްރައްޒާގު ގެ އަންހެނުން އޭނަޔާ ބައްދަލުކުރިއެވެ. އޭނާއަށް ގެއިންކާނާ ވަށިގަނޑެއް މިއަދުލިބުނެވެ.
21 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 546 ވަނަ ދުވަހެވެ. މިއަދުވެސް ކުޅޭށާއި މޫދަށް ނެރުނެވެ.
24 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 549 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހު ޚާއްސަކަމެއް ނުހިނގައެވެ. މިއަދު އަންނިކޮއްކޮ ނާޒިމް އަންނި އާ ބައްދަލު ކުރުމަށް ޖަލަށްއައެވެ. ނާޒިމް ވަރަށް ގިނަޚަބަރުތައް އަންނިއަށް ގެނެސްދިނެވެ. މިއަދު އިސްތަފާ މެންވެސް ޖަލަށް ވަޑައިގެން އުޅުއްވި ޚަބަރު ލިބުނެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ.
އަދި ވިންޓަރޝަރީފު އެބޭފުޅުންގެ އަރިހަށް ނެރުނެވެ. ވިންޓަރާ ބައެއްވާހަކަތައް ދައްކަވާ ލެއްވުމަށެވެ. ވިންޓަރަކީ ޖަލުގައި ހުރެގެން ގާނޫނުއަސާސީ ދަސްކޮށްގެން އެބޭފުޅުންނާ އެކު ވަރަށް ޖަދަލުކުރައްވާ މީހެކެވެ. ގާނޫނުއަސާސީން ބޮޑުބައެއް ވިންޓަރު ހިތުދަސް ކަމަށްވެއެވެ. ސިޓީންނާއި އަނގަބަހުން މިބޭފުޅުންނާ އެކު ޖަދަލުކުރުން ވިންޓަރުގެ ފަރާތުން، އަބަދުވެސް އޮވެއެވެ. އެއީ އޭނާގެ އާދައެވެ. ހައިކޯޓާއި ސުޕުރީމް ކޯޓަށް، އިސްތިއުނާފަށް އޭނާގެ މައްސަލަ ލާންވެސް ރާވައެވެ.
25 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 550 ވަނަ ދުވަހެވެ. މިއަދު، އަލިފާނުގެ ހާދިސާގައި ބަންދުކޮށްފައިވާ ކާދޫ އިބުރޭ މާލެ ގެންދިޔައެވެ. ހަންނާނާއި މުއާޒާއި ސައްޕެ، މިތިންމީހުން، ގޭގެ މީހުނާ މިއަދު ބައްދަލުކުރިއެވެ. އެ ތިންމީހުންނަށް ވެސް ގެއިން ކާނާލިބުނެވެ.
26 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 551 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދު ކުޅުނީފުޓް ބޯޅައެވެ. ވަރަށްމަޖަލެވެ.
27 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 552 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.
28 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 553 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ބައްޕަ އަބްދުއްސައްތާރާ ބައްދަލު ކުރެއްވިއެވެ. އަންނިއަށް ގެނިން ކާނާވަށިގަނޑެއް ލިބުނެވެ. ވަރަށްގިނަ ސާމާނު ހުއްޓެވެ. އަންނިއަށް އެއްޗެހިލިބޭ ދުވަހަކީ އަޅުގަނޑު މެންނަށް އީދެއްއަންނަ ދުވަހެކެވެ. ކާގޭގައި ޕާޓީއެއް ބާއްވާއި އެންމެންނަށް ކާންދޭނެއެވެ.
29 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 554 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. އެހެންވަކި ޚާއްސަކަމެއް ނެތެވެ.
30 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 555 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އަނބުރާ ޖަލަށް ގެނައީވަރަށް ހަވީރުވެފައި ވަނިކޮށެވެ.
1 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 556 ވަނަ ދުވަހެވެ. މިއަދުވެސް އަންނި މާލެ ގެންދިޔައެވެ. ގެއަށް މަންމައަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ކަރޯ އައްބާސް ދަރިފުޅު، ރިޝްވާނަށް ގެއިން ބައެއް ސާމާނުލިބުނެވެ.
2 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 557 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ހިޖްރީ އާއަހަރު ފެށުނުދުވަހެވެ. 1413 ވަނަ އަހަރުގެ މުޙައްރަމުމަހުން އެއްވަނަ ދުވަހެވެ.
3 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 558 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
4 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 559 ވަނަ ދުވަހެވެ. މިއަދު ވެސް އަންނި މާލެ ގެންދިޔައެވެ. ވަކިޚާއްސަކަމެއް ނެތެވެ.
5 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 560 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށް ގިނައިރު ވާރޭވެހުނެވެ. ވާރެއައި ތެމުނީމެވެ. ވާރޭ ފެން ނެގީމެވެ. ތާނގީފުރާލެވުނެވެ.
6 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 561 ވަނަ ދުވަހެވެ. މިއަދަކީވެސް ވައިގަދަ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މޫދަށްނުކުތީ، އަޅުގަނޑާ އެކު ދެތިން މީހުންނެވެ.
7 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 562 ވަނަ ދުވަހެވެ. ރޭގައި ވިންޓަރ ޝަރީފް ޖަލުއޮފީހަށް މިތަނުން ނެރެގެން ގެންދިޔައެވެ. އޭނަޔަށް އެންގީ ހައިކޯޓަށް މާދަމާ ދާންޖެހޭނެ ވާހަކައެވެ. އެހެނަސް މާދަމާ ހައިކޯޓަށް ދެވޭނީ، ވިންޓަރުގެ ބޯކޮށާއި އިސްތަށިގަނޑު ރީތިކޮށްގެންކަމަށް އެންގެވިއެވެ. ވިންޓަރަކީ ވަރަށްބޯދިގުކޮށް ބަހައްޓާމީހެކެވެ. ތުނބުޅިއާއިބޯ އެއްގޮތަކަށް ވެސް ކޮށާހަދާ މީހެއްނޫނެވެ.
ބޯކޮށާހަދައިގެން، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ވިންޓަރ ޝަރީފަށް ޖަލު އޮފީހުން އެންގިއެވެ. އެހެނަސް އޭނަމާލެއަށް ހައިކޯޓަށް ގެންދަންބަލާ އައިއިރުބޯނުކޮށާ ހުރެގެން މާލެއަށް މިއަދު ނުގެންދެއެވެ. މިއަދު މާލެ ގެންދިޔައީ މުފިއްޓޭ އެކަންޏެވެ. އޭނަގެ މަންމައާ ބައްދަލުވެލަން ކުޑަވަގުތުކޮޅަކަށް ގެއަށް ގެންދަނީއެވެ. ވިންޓަރ ޝަރީފް ގޮތްނުދޫކޮށް ބޯނުކޮށާ ހުރެގެން އޭނާ އިސްތިއުނާފަށް ހުށަހަޅާފަވާ މައްސަލައަކަށް ހައިކޯޓަށް މިއަދު ދެވޭގޮތް ނުވީއެވެ.
މިއީ ސަރުކާރުން މެދުވެރި ކޮށްގެން ވާނެ ޝަރުތެއް ނޫނެވެ. އަމިއްލަނަފްސުގެ ދިފާއުގައި އިސްތިއުނާފަށް މައްސަލަލުމުގެ ފުރުސަތުދީފައި ކޯޓަށް ހާޒިރުކޮށް ނުދިނުމަކީ މީހެއްގެ ހައްގަށް، އާދެ! އަމިއްލަހައްގަށް އުނިކަމެއް އަންނާނެ އަމަލެކެވެ. ލާގަމީހަކުން، އަދި ފިތްރަތީގޮތުން މީހާ ހުންނަ ގޮތަކަށް، ނުވަތަ ސިފައަކަށް ބަލާފައި މިކަހަލަހައްގެއް އުނިކުރުމުގެ ބާރު ސިފައިންނަށް ލިބިގެނެއް ނުވާނެއެވެ. ކޮންމެއަކަސް މިއަދު ހައިކޯޓަށް، ވިންޓަރ ޝަރީފަށް ދެވޭ ގޮތެއް ނުވިއެވެ.
8 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 563 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، އަޅުގަނޑުގެ ހުކުމްތަކުން އަފޫކޮށް ދެއްވުންއެދި، ރައީސް މައުމޫނަށް ލިޔާނެސިޓީއެއް އެކަނިއިނދެގެން ޑްރާފްޓްކުރުމެވެ. ވަރަށް ގިނަވާހަކަތައް އެސިޓީގައި ގެނައިމެވެ. އަފޫކުރުމަކީ، ﷲ ރުހިވޮޑިގެންވާ އެންމެ މާތްސިފަ ކަމަށާއި އަފޫކުރާމީހަކީ ދެދުނިޔޭގައި އެންމެދީލަތި، އަދި ﷲ އެންމެ ރުއްސަވާ އިންސާނާކަމަށް އެސިޓީގައި ލިޔުނީމެވެ. އަދި ﷲ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި އަފޫކުރާމީހާ ހިމެނޭކަމަށް ވެސް ލިޔުނީމެވެ. އަދި އަފޫކުރެއްވުމަށް ފަހު، އެމީހަކަށް އިތުބާރުކޮށް ގާތްކުރުމަކީ މާތްވެގެންވާ ރީތިސިފައެއް ކަމުގައި ލިޔުނީމެވެ. ލިޔެނިންމާފަ މިޑްރާފްޓް ދެތިންފަހަރަކު ކިޔާލާއި ރަނގަޅު ކޮށްލާފަ ބޭއްވީއެވެ.
9 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 564 ވަނަ ދުވަހެވެ. މިއަދު އަނެއްކާވެސް އިއްޔެ ޑްރާފްޓްކުރި ސިޓީގެ ކަރެކްޝަން ހަދާލުމަށް ފަހު، ރީތިކޮށް ލިޔުނީއެވެ. އަދި ހަވީރުވަގުތެއްގައި ރައީސް މައުމޫނަށް ރައްދުކޮށްދެއްވުން އެދި,، ޖަލުއޮފީހާ އެސިޓީ މިއަދު ހަވާލުކުރީމެވެ. ލިޔުނު ތާރީޚަކަށްޖެހީ، 11 ޖުލައި 1992 ވާ ހޮނިހިރު ދުވަހެވެ. މިހެންހެދީ ސިޓީމާލެ ގެންދެވޭނީ އާދީއްތަދުވަހަށް ވާނެތީއެވެ. މިއަދު ކޮއްކޮއިބުރޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޓޮންސިލް ދުޅަވެގެންނެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.
10 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 565 ވަނަ ދުވަހެވެ. މިއަދަކީ ޑޮކްޓަރ ވަހީދު އިސްތިއުފާދެއްވި ގޮންޑިއަށް، މާލޭގެ ރައްޔިތުންގެ ފަރާތުން މާލޭގެ މެންބަރުކަމަށް މީހަކުހޮވުމަށް އިލެކްޝަން މާލޭ ސަރަހައްދުގައި ބާއްވާދުވަހެވެ. ވޯޓުލާ ދުވަހެވެ. އެންމެ ފޯރި ގަދަކޮށް ކެންޕޭން ކުރެއްވީ، އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނު ކަމަށް ޚަބަރުތައް ލިބެއެވެ.
11 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 566 ވަނަ ދުވަހެވެ. އިއްޔެ މާލޭގައި އޮތް ރައްޔިރުންގެ މަޖިލީހަށް މާލޭގެ ގޮނޑިޔަށް މީހަކުހޮވުމަށް ބޭއްވިވޯޓުގެ ނަތީޖާއަކީ، 2204 ވޯޓުން އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީން އިންތިޚާބުވެ ވަޑައިގަތުމެވެ. ދެވަނައަށް އެންމެގިނަ ވޯޓުހޯއްދެވީ، އިބްރާހީމް ނޫރައްދީނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.
12 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 567 ވަނަ ދުވަހެވެ. މިއަދު އަބްދުއްﷲ ކަމާލުއްދީން ހޯއްދެވި ކާމިޔާބީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން، ސިޓީއެއްލިޔެ އޮނަރަބްލް އަބްދުއްﷲ އަށް ފޮނުވައިދެއްވުން އެދި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއީ އަޅުގަނޑުގެ ވަޒީރަކަށް އިސްލާމީ މަރުކަޒު ހިންގަވަން ހުންނެވި ބޭފުޅަކަށް ވާތީ ކޮށްލެވުނު ކަމެކެވެ.
13 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 568 ވަނަ ދުވަހެވެ. މިއަދުކެޕްޓަން މުއާޒަށް އޭނާގެ ގެއިންކާނާ ފޮނުވިއެވެ. އަދި މިއަދަކީ، އަބްދުލްހަންނާނު އަބޫބަކުރުގެ އުފަންދުވަހަށްވާތީ ރޭގަނޑު، 12:00 ޖެހި އިރު ޖަލުގެ މިބައި "ސިޔާސީފައްޅި" ގައި ޕާޓީއެއް ބޭއްވީމެވެ. އެންމެން މިހަފްލާގައި އަމަލީގޮތުން ބައިވެރިވެ އުފާ ފާޅުކުރުން އޮތެވެ.
14 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 569 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދުމަޣްރިބް ނަމާދަށް މިސްކިތަށް އެކަކުވެސް ނުނެރެއެވެ. ބަލާނާންނަނީއެވެ. މިއީ މިގޮތަށް ދިމާވެގެން، މިސްކިތަށް ނުނެރުނު ފުރަތަމަ ދުވަހެވެ. އެހެނަސް މީގެކުރިން އެއްދުވަހު ނެރުނުލެއް ލަސްވެފައި ވެއެވެ. މިދެފަހަރުނޫނީ މިކަމުގައި އެއްވެސް މައްސަލައެއް ދިމާވެފައެއް ނެތެވެ.
15 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 570 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.
16 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 571 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ގޭގެމީހުންނާ ބައްދަލުކުރިއެވެ. ޖީދު، އިބްރާހީމް ނޫރައްދީނުގެ އަނބިކަނބަލުން އޭގެތެރޭގައި ހިމެނެއެވެ. މިއަދު ޖަލުއޮފީސް ބަލަހައްޓަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލުމަށެވެ.
17 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 572 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ.
18 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 573 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް، ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނަށް މަރްހަބާކިޔާ ފޮނުވިސިޓީ އެމަނިކިފާނަށް ރައްދުކޮށްދީފި ކަމަށް، އަޅުގަނޑަށް ޕްރިސަންސުން ޖަވާބުލިބުނެވެ.
19 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 574 ވަނަ ދުވަހެވެ. ރޭގައި މާފަންނު ދާންނާގޭ ބިޝާރާ، އަޅުގަނޑަށް ހުވަފެނުން ފެނުނެވެ. ޖަވާހިރުވާދީއަށް އައިސް އުޅެނިކޮށެވެ. އަދި މާލޭގައި ހުންނަ، ޔޫއެންއޮފީހުގައި ވެރިޔަކަށް އޭރުހުންނެވި، އެމެރިކާ އަންހެނެއް ކަމުގައިވާ، މިސިޒް މެކްސީން ވެސް ޖަވާހިރުވާދީ ތެރެއިން ފެނުނެވެ. އޭނަޔާ ބައްދަލުކޮށް ޖަލުގެކަންތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގެންދާތަނެވެ. ފުދޭވަރަކަށް ދިގުހުވަފެނެކެވެ. ހުރިހާބައިތަކެއް ހަނދާހުރި ހުވަފެނެކެވެ.
20 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 575 ވަނަ ދުވަހެވެ. މިއަދު އަންނި، ޅ.މެންބަރު އިބޫ ސާލިހުގެ ވައިފް، ބޮޑުސިއްކަގެ ދަރިފުޅު، ފަޒޫއާ ބައްދަލުކުރިއެވެ. މާލޭގެ ޚަބަރުތައް ލިބުނެވެ. އަޅުގަނޑުމެންނަށް ފަޒޫގެ ސަލާމާއި ހެޔޮއެދުންތައް އަންނި ރައްދުކޮށް ދެއްވިއެވެ. ފަޒޫއަކީ އިޖުތިމާއީ ގުޅުމުގެ ބޭފުޅެކެވެ. ވަކިވަކިން އެންމެންނަށް ސަލާމް ފޮނުއްވިއެވެ!
21 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 576 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ.
22 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 577 ވަނަ ދުވަހެވެ. ޖަލުގެ މިބަޔަށް ގަސް އިބްރާހީމް މަނިކު ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުކުރައްވައެވެ. މިބޭފުޅުން މިބަޔަށް ޒިޔާރަތްކުރުމުގެ ސިއްރަކީ ކޮބައިކަން އެއްގޮތަކަށް ވެސް ސާފެއްނުވެއެވެ. ކޮންމެވެސް ބޭނުމެއް އޮންނާނެކަން ކަށަވަރެވެ.
ޖަލުގައި ތިބޭގައިދީންގެ ތެރެއިން ބައެއް މީހުންގެ މައިންބަފައިންގެ އެދުމެއް ފުއްދައި ދެނީބާވައޭ ވެސް ހިތަށް އަރައެވެ. ނުވަތަ ހަމައެކަނި އެމީހުންނާ ބައްދަލުވިޔޭ އެވެރިންގެ ހާލުރަނގަޅޭ ބުނެލަދިނުމަށް ކުރައްވާކަމެއް ބާވައޭ ވެސް ހިތައް އަރައެވެ. އެހެންނޫނީ ޒިންމާދާރު ގޮތެއްގައި ވަޒީފާއަދާ ކުރެއްވުމުގެ ގޮތުން ޖަލުބަލާލަން ވަޑައިގަންނަވަނީ ބާވައޭ ވެސް ހިތަށްއަރައެވެ.
23 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 578 ވަނަ ދުވަހެވެ. މިއަދު ޚާޢްސަކަމެއް ނުހިނގައެވެ.
24 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 579 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ކޮއްކޮ އަލީ ރަޝީދު މާލެއަށް ބޭހަށް ގެއަށްގެނައި ޚަބަރުލިބުނެވެ. އޭނަހުންނަނީ ނ.އަތޮޅުރަށަކަށް އަރުވާލާފައެވެ.
25 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 580 ވަނަ ދުވަހެވެ. ރޭގެޚަބަރުގައި އެމެރިކާގެ ޖޭމްސްބޭކަރ ރާއްޖެ ވަޑައިގެން ރައީސް މައުމޫނާ ބައްދަލު ކުރެއްވި ޚަބަރުލިބުނެވެ. މިއީ އަޅުގަނޑު މެންނަށް ފިނިކަމެއް ގެނެސްދިން ޚަބަރަކަށް ވިއެވެ.
26 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 581 ވަނަ ދުވަހެވެ. މިއަދަކީ ރާއްޖޭގެ މިނިވަން ދުވަހަށް ވާތީ ރަސްމީބަންދު ދުވަހެކެވެ. ރަސްމީޖަލްސާއެއް ބޭއްވެވިކަން އެނގިފައެއް ނެތެވެ. ރޭޑިޔޯޚަބަރުން އިވިފައިނެތީއެވެ.
27 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 582 ވަނަ ދުވަހެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ، މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ވަރަށް މަޖާދުވަހެކެވެ.
28 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 583 ވަނަ ދުވަހެވެ. މިއަދު ދޮންދައްތައާއި އަންދިއާއި ނީޝާނާއި މަންމަ، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލުކުރިއެވެ. ގެއިން ވަރަށްގިނަ ސާމާނުލިބުނެވެ. ގިނައީކެއުމުގެ ސާމާނެވެ.
29 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 584 ވަނަ ދުވަހެވެ. މިއަދު ރަސްމީކޮށް ޖަލުއޮފީހުން ވޮލީ ދެބޯޅައާއި ދާގަނޑެއް މިބަޔަށް ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރިއެވެ. މިއީ އަޅުގަނޑުގެ އެދުމަކަށް ކޮށްދެއްވި ދީލަތިކަމެކެވެ.
30 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 585 ވަނަ ދުވަހެވެ. މިއަދު އާދިލްއާ ބައްދަލުކުރުމަށް އެގޭމީހުންއައެވެ.
31 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 586 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.
1 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 587 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ގެއަށް ފޮނުވައިދިނުން އެދި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު އަންނި، ކޯޓުނަންބަރު، 6 އަށް ޕާސްޕޯޓުގެ މައްސަލައެއްގައި ހާޒިރުކުރިއެވެ. މިއަދުގެ ޝަރީޢަތުގައި އޮތީ ކުރީދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި ސޮއިކުރުމެވެ. ބަޔާންފުރިހަމަ ކުރުމެވެ. އަދި މިއަދު އަޅުގަނޑުމެން ތިބޭބަޔަށް، ހަތަރުމަހަށް ހުކުމްކޮށްފައިވާ އާކުއްޖަކު ގެނެސް ވެއްދިއެވެ. މީނާއަކީ ކަތުރަކުން މީހަކަށް ހަމަލާ ދިންކަމުގެ ކުށުގައި ހުކުމް އިއްވިފައިވާ މީހެކެވެ. މީނާގެ ނަމަކީ، އަލީޝިޔާމް މ.އޮމެގާ މާލެ އެވެ.
ޖަލަށް އިރުވާހުދެއް ލިބުން:
2 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 588 ވަނަ ދުވަހެވެ. މިއަދު އަންނި، އޭނާގެކޮއްކޮ ނާޒިމާ ބައްދަލުކުރުން އޮތެވެ. ނާޒިމު، އަންނިއަށް އިރުވާހުދެއް މިބައިގައި އޮޅުކޮށްގެން ގެންގުޅުމަށް ގެނެސްދިނެވެ. މިކަންވީ ވަރަށްމަޖާ ކަމަކަށެވެ. އެންމެން އެއަށް ކާންދިނުމާއި އެއާއެކު ކުޅުން އޮވެއެވެ. އަންނި މިކަންއޮންނަނީ ހުރިހާ ގައިދީންނަށް ދޫކޮށްލައްވާފައެވެ. އެންމެން ވެސް ކާންދީހަދައެވެ. އަންނި އިރުވާހުދާއެކު އުޅުއްވާނީ ވަކިގަޑި ގަޑީގައެވެ. އެހެނަސް އިރުވާހުދު އެންމެއޮޅީ އަންނިއާއެވެ.
3 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 589 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.
4 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 590 ވަނަ ދުވަހެވެ. ރޭގައި ޖަލުބަލަހައްޓާ އޮފީހުގައި ހުންނަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަރަށްގިނަ އިރުވަންދެން އަޅުގަނޑާ ވާހަކަދައްކަވަން ހުންނެވިއެވެ. ދަތިއެއްވެސް ކަމެއްއޮތްތޯ އައްސަވައި ހެއްދެވިއެވެ. މީނާއަކީ އަޅުގަނޑުގެ ތަބީޢަތާއި މިޒާޖު ވަރަށް ކަމުދާމީހެކެވެ. އަޅުގަނޑަށް ހަމްދަރުދީ ބަހައްޓަވާ ބޭފުޅެކެވެ.
5 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 591 ވަނަ ދުވަހެވެ. މިއަދު ކޮއްކޮ އިބުރޭ މާލެ ގެންދިޔައެވެ. ހީވަނީޑޮކްޓަރަށް ހެނެވެ. އަދި މިއަދު ހެދުނު ނިދާފައި އޮއްވާފެންނަ ހުވަފެނަކީ، ކޮޓަރިން ނުކުންނަން ހުންނަދޮރު ނުފެނިގެން ނުނިކުމެވިގެން އުޅެނިކޮށެވެ. ކޮޓަރިން ނުކުންނާނެ ދޮރެއް ނުފެނިގެން ގެއްލިގެން ހޯދަން އުޅޭތަނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.
6 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 592 ވަނަ ދުވަހެވެ. މިއަދު އޮފީހުން އިސްތިރިއެއް ގެނެސް އަޅުގަނޑު މެންނާ، ނަސީމު ހަވާލު ކުރެއްވިއެވެ. އަދި ބަލައިގެން ގެންގުޅުމަށް އެންގެވިއެވެ.
7 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 593 ވަނަ ދުވަހެވެ. އިއްޔެ އާއި މިއަދު ވަރަށް ވިއްސާރަވެހުނެވެ. މިއަދު ފެންތާނގީ ބެހެއްޓުމަށް ހެދިބުޑުގައި ފެންތާނގީ ބަހައްޓައި ފެންއަޅާ ފުރާލެވުނެވެ. އިރުވާހުދު ފެންވަރުވާ ހަދަނީ އަންނިއެވެ. މިސޮރު ފެންޑާމައްޗަށް ލާ ސީތައްސާފުކޮށް ހަދަނީ އެންމެން ވެގެންނެވެ.
އަބަދުވެސް މީރުފެން އިރުވާހުދު ބުއިމަށް އެއްޗަކަށް އަޅާފައި ހުރެއެވެ. މިމަސައްކަތް ކުރަނީ އަބަދުވެސް އަޅުގަނޑެވެ. މިހާރަކަށް އައިސް އިރުވާހުދު އެންމެއޮޅީ އަޅުގަނޑާއެވެ. ފޮތްކިޔަން ގޮނޑީގައި އިންނައިރު އަޅުގަނޑު ގަޔަށް ޖައްސާ މެހި ކައި ހަދާނެއެވެ. އެސޮރުގެ ތުބުން ހިފަނީ މެހީ ގައެވެ. ގައިގެ ހަނގަނޑުގައި އެސޮރުގެ ތުނބެއް ނުޖައްސައެވެ. އެހާވެސް ހުޝިޔާރެވެ.
8 އޯގަސްޓަ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 594 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.
9 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 595 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ.
10 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 596 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.
11 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 597 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.
12 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 598 ވަނަ ދުވަހެވެ. މިއަދު، ދޮންދައްތައާއި އިފާއި ފިދާއާއި ވިދާއާއި ޖެފްރީއާއި މަންމަ އަޅުގަނޑާއި ކޮއްކޮ އިބުރޭއާއި އަބްދުﷲ ހުސައިނާއެކު އެންމެން އެކުގައި ބައްދަލުވުމެއް ހަވީރުއޮތެވެ. މިބައްދަލުވުން އެންމެން އެކުގައި ބާއްވައި ދިނީތީ ވަރަށްއުފާވިއެވެ. ދޮންދައްތަ މިމަހުގެ، 14 ވަނަ ދުވަހު ފުރާތީއާއި އިފުވެސް މާލޭގައިހުރި ވަގުތަކަށްވާތީ ޑިފެންސްގައި ދަންނަވައިގެން ބައްދަލުވުމެއް ހެދީކަމަށް ދޮންދައްތަ ބުންޏެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ގެނެސްދިނެވެ. ގިނައިންހުރީ ކެއުމުގެ ސާމާނެވެ. އަބްދުﷲ ހުސައިނަށް އެއްބައިދީފައި ދެންހުރި ސާމާނުތައް ގެނައީ އަޅުގަނޑުމެންތިބޭ ބަޔަށެވެ. މިއަދުވީ ވަރަށް ހިތްހަމަޖެހުނު ދުވަހަކަށެވެ.
13 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 599 ވަނަ ދުވަހެވެ. މެންދުރުފަހުގެ ވަގުތެއްގައި މިބަޔަށް އިސްތަފާއާއި ގަސް އިބަރާހީމް މަނިކާއި ރައޫފާއި (އޭރު ޕްރިސަންސްގައި އުޅުއްވި) ޖަލުއޮފީސް ބަލަހައްޓާ ނަސީމް ވަޑައިގަތެވެ. އަޅުގަނޑުމެންނާ އިސްތަފާ އިބްރާހީމް މަނިކު ވަރަށްވާހަކަ ދެއްކެވިއެވެ. މިބައިންބޭރުގައި ޖަލުގައިތިބި ގައިދީން ހަޅުތާލުކޮށް ގަޑުބަޑުކޮށްގެން ތަހުގީގުކުރަން ޖެހިގެން އުޅޭވާހަކަ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ރަނގަޅުވާހަކައާއި މިތާތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭތީ އެބޭފުޅުން ވަރަށްއުފާކުރާ ކަމަށް ވިދާޅުވިއެވެ.
މިބޭފުޅުން ވަޑައިގަތުމާއި އަޅުގަނޑުމެންގެ ހާލުބައްލަވާ ހެއްދެވުމާ ގުޅިގެން އަޅުގަނޑު ޕްރިސަންސް ޑިވިޒަނަށް ޝުކުރުގެ ސިޓީއެއް ލިޔުނީމެވެ. އަޅުގަނޑު މެންނަށް ދެއްވި އިނާޔަތްތައް ރަނގަޅުގޮތުގައި ބޭނުންކުރާނެކަމާއި ޖަލުގައި ތިބޭނީ ފުރިހަމަ ކިޔަމަންތެރި ކަމުގައިކަމަށް ލިޔުނީމެވެ. މިސިޓީ މިއަދު ހަވީރުގެ ވަގުތެއްގައި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިސިޓީތަކުގެ ކޮޕީތައް އަޅުގަނޑު އަތުގައި އެބަހުއްޓެވެ. އިރާދަ ކުރެއްވިއްޔާ ސްކޭންކޮށްފައި މިވާހަކަތަކާ އެންމެބޮޑަށް ގުޅޭސިޓީތައް އަޅުގަނޑުގެ ސައިޓުގައި އަޕްލޯޑް ކުރާނަމެވެ.
ޖަލުގައި، 600 ދުވަސް ހަމަވުން:
14 އޯގަސްޓް 192 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 600 ވަނަ ދުވަހެވެ. މިއީތާރީޚީ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 600 ދުވަސް ހަމަވީދުވަހެވެ. މިއަދަކީ ދޮންދައްތަމެން ވިދާއާއި ފިދާއާއިޖެފް ފުރާދުވަހެވެ. ސިލޯނުމަގުން މިމީހުންދަނީ ދުބައި އަށެވެ. އެތަނުން ވަހީދުބެއާއި ބައްދަލުކޮށް ދާންވީދިމާއަށް ނައްޓާލާގޮތަށެވެ. މިހާ ހިސާބުން އެމީހުން، ރާއްޖޭންބޭރަށް ފުރާނިމުނީއެވެ. ޑޮކްޓަރ ވަހީދު ބައިނަލް އަގްވާމީ މުޖްތަމައަށް ޚިދުމަތްކުރެއްވުމުގެ ވަޒީފާއަކަށް ބަދަލުވީއެވެ.
ސަރުކާރު ބޭނުންވިގޮތަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކު ރާއްޖޭންބޭރުގައި ދިރިއުޅުން ހަމަޖެހި ނިމުނީއެވެ. އެޒަމާނުގައި މިއީ، އެކަންކުރަން އޮތް އެންމެމޮޅު ގޮތެވެ. ސަރުކާރުގެ އަތްދަށުވެ ޖަލަށްވަދެ މީހާހަލާކުކޮށް ލުމަށްވުރެ އެފެންވަރުގެ މީހުން އަޅުއްވަން ޖެހޭ ފިޔަވަޅަކީ މިއީކަމުގައި އަޅުގަނޑުމެން ޖަލުގައި ތިބި އެންމެންވެސް ގަބޫލުކުރަމެވެ. ބޭރުގައި ތިބެގެން އަޅުގަނޑުމެން މިނިވަންކުރުމަށާއި ދިވެހި ގައުމުގެ ފުރިހަމަ މިނިވަންކަމަށާއި މިރާއްޖޭގެ ކުރިމަގަށް އެބޭފުޅުން ބޭރުގައި ތިއްބަވައިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ޖަލުގައި ތިބި މީހުންނަށް ފުރިހަމައަށް އެބައޮތެވެ.
ޖަލުގައި އަޅުގަނޑުމެން ހޭދަކުރި ދިގު ދުވަސްތަކުގައި އެކަމުގެ ހެކިތައް ރީތިކޮށް ފެނިގެން ދިޔައެވެ. ބޭރުދުނިޔޭގެ އެކިހިސާބުގައި އަޅުގަނޑުމެންގެ ހަނދާންތައް ތާޒާކޮށް އާލާކުރިކަމުގެ ހެކިތައް އަޅުގަނޑު މެންނަށް ލިބެމުން ދިޔައެވެ. ހެޔޮއެދުންތަކުގެ ކާޑުތައް ޖަލަށް އޮހެމުން ދިޔައެވެ. ޖަލުގައި ތިބެގެން ކިޔާނެފޮތްތައް ބޭރުދުނިޔޭގެ އެކިޖަމާއަތްތަކުން ޕޯސްޓްމެދުވެރިކޮށް ޖަލަށް ފޮނުވަމުން ގެންދިޔައެވެ. ފަހަކަށް އައިސް މިފަދަތަކެތި ނައްތާނުލާ ސީދާޖަލަށް އަޅުގަނޑުމެންގެ އަތަށް ރައްދުކޮށް ދިނުމަށް ޑިފެންސަށް މަޖްބޫރުވިއެވެ.
15 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 601 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭއާއި ކަރޯރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މަޖާދުވަހެކެވެ.
ޖަލަށް ތޭރަވައެއް ލިބުން:
16 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 602 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އެހެނަސް، ޖަލުއޮފީސް ބަލަހައްޓަން ހުންނަވާ ނަސީމް މިއަދުހަވީރު ވަގުތެއްގައި މިބަޔަށް ވަޑައިގެން ތޭރަވައެއް އަޅުގަނޑަށް ގެނެސްދީފައި މީތި މިތާތެރޭގައި ގެންޅެން ވިދާޅުވިއެވެ. އަދި މިއީ އެމީހުން ހިފި ދޫންޏެއްކަމަށް ވިދާޅުވިއެވެ. އަޅުގަނޑުމެން އިރުވާހުދެއް އޮޅުކޮށްގެން ޖަލުގައި ގެންގުޅޭތީ މިއީ އޭނާ ކުރެއްވިކަމަކަށް ވެދާނެއެވެ. އިރުވާހުދަކީ އަންނި ގެންގުޅުއްވާ، މިހާރުވަރަށް އޮޅުވެފައިވާ އިރުވާހުދެކެވެ.
17 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 603 ވަނަ ދުވަހެވެ. މިއަދު ރަޣީބުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަވީރު ކުޅެންށާއި މޫދަށް ނެރުނެވެ. އަދި ކެނެރީގޭ ޒުހޭރާ "އީވާމަންމަ" އަންނިއާ ބައްދަލު ކުރެއްވިއެވެ. މާލޭގެ ޚަބަރުތައް ސާފުވެއޮޅުން ފިލިއެވެ.
18 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 604 ވަނަ ދުވަހެވެ. މިއަދު ކާދޫ އިބުރޭ އާއި ހަންނާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
19 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 605 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ރޭޑިޔޯއިން ލިބުނު ޚަބަރެއްގައި ބުނެފައިވަނީ މިއަދު، އަންހެނުންކުރިޔަށް މިނަމުގައި ސެމިނާއެއް ރައީސް މައުމޫނު ހުޅުއްވައި ދެއްވިކަމަށެވެ.
20 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 606 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ކުޑަކޮށް ވިއްސާރަ ވެހުނު ދުވަހެކެވެ.
21 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 607 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.
22 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 608 ވަނަ ދުވަހެވެ. ކޮއްކޮ އިބުރޭއާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
23 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 609 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ރައީސް މައުމޫނަށް ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުންއެދި ހަވާލުކުރީމެވެ. ހަންދު އާއި ބިގޭ އަދިވެސް ދޫނިދޫޖަލުގައި ތިބޭތީ ގާމާދޫ ޖަލުގެ މިބަޔަށް އެދެކުދިން ބަދަލުކޮށް ދެއްވުން އެދި އެކަންތައް އެގޮތަށް ހަމަޖައްސައި ދެއްވާތޯއެވެ. މިއަދު ސައްޕެ މާލެއަށް ގެންދިޔައެވެ. އިސްތަފާއާ ބައްދަލު ކުރާށެވެ. މިބައިންބޭރުގައި ޖަލުގައި ހުރި އަބްދުއްﷲ ސަލީމް މިއަދު މާލެ ގެންދިޔަޚަބަރު ލިބުނެވެ. ހޮސްޕިޓަލަށެވެ.
24 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 610 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތްދުވަހެކެވެ.
25 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 611 ވަނަ ދުވަހެވެ. ކޮއްކޮ އިބުރޭ އާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
26 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 612 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭ އަނެއްކާވެސް މާލެއަށް ހޮސްޕިޓަލަށް ގެންގޮސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ޓޮންސިލް އޮޕަރޭޝަން ކުރަންޖެހިގެންނެވެ. މިއަދު ކޯޓުނަންބަރު، 6 ގައި ހަންދުއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް އަދި އަބްދުއްﷲ ސަލީމަށް، 15 އަހަރުދުވަސް ޖަލަށްލުމަށް އަދި ބިގޭއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް ކިޔޮޅު، 13 އަހަރު ދުވަސް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ.
އަދި ހަންދު ދޮގުހެދިކަމަށް ސާބިތުކޮށް އެއްއަހަރު އިތުރުކޮށް މުޅިއެކު ހަންދުއަށް، 16 އަހަރުދުވަހަށް ޖަލަށްލުމަށް ނިޔާކަނޑައަޅާއި ހުކުމްއިއްވިއެވެ. މިހުކުމް އިއްވެވީ ކޮއިމަލާ ލޯންޗުގެ މައްސަލަ ވަކިމައްސަލައެއްގެ ގޮތުގައި މިމއްސަލައިގެ ތެރެއިން ބޭރުކުރުމަށް ފަހުގައެވެ. މިލޯންޗުގެ އަގުހޯދުމުގެ މައްސަލަ ވަކިމައްސަލަ އެއްގެގޮތުގައި ފަހަށްދޫކޮށް ލެއްވީއެވެ. މިއަދާހަމައިން މިމައްސަލައިގެ ހުކުމްތައް އިއްވާ ނިމުނީއެވެ. ބޮޑެތިހުކުމްތައް ނިމުނީއެވެ.
27 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 613 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހެނދުނު 9:00 ން 11:00 އަށް ކޮއްކޮ އިބުރޭގެ ޓޮންސިލް އޮޕަރޭޝަން ކޮށްނިންމައިފި ޚަބަރުލިބުނެވެ. އެހެނަސް އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.
28 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 614 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހަމަތިބީއެވެ.
29 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 615 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެއްކަން ރޭޑިޔޯއިން އެނގުނެވެ. ރަބީއުލްއައްވަލް އެކެއް، 1412 ހިޖްރީއަށް ވާތީއެވެ. ރާއްޖޭގެ ނެޝަނަލްޑޭއެވެ. ރާއްޖޭގެ ގައުމީގުވަހަށް ވާތީއެވެ.
30 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 616 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.
31 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 617 ވަނަ ދުވަހެވެ. މިއަދު އިބުރޭގެ އޮޕަރޭޝަން ނިމިގެން ޖަލަށް މިބަޔަށް ގެނައެވެ. އިބުރޭގެ ހާލުމުޅިން ރަނގަޅެވެ. ހަވީރުކުޅޭށާއި މޫދަށް ނެރުނެވެ.
1 ސެޕްޓެމްބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 618 ވަނަ ދުވަހެވެ. މިއަދު ގެއަށްސިޓީއެއް ލިޔެ ޖަލުއޮފީހާ ގެއަށް ފޮނުވައި ދިނުމަށް އެދި އެ ސިޓީ ހަވާލުކުރީމެވެ. މިއަދަކީ ލީބިޔާގެ އިންގިލާބީ ދުވަހަށް ވާތީ ބީބީސީން މިވާހަކަތައް އަޑުއަހާލީމެވެ.
2 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 619 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހަންދު އާއި ބިގޭއަށް ހުކުމްއިއްވާ ނިމިފައި ވާތީ ގާމާދޫޖަލަށް ބަދަލުކުރިއެވެ. ގެނެސްވެއްދީ އަބްދުﷲ ސަލީމާއި އަބްދުﷲ ހުސައިން މެންތިބޭ ބަޔަށެވެ. ބޮޑެތިގޮޅިތަކުން ގޮޅިއަކަށެވެ. މިގޮޅީގައިތިބެނީ އެންމެން އެކުގައެވެ. މިގޮޅީގައި މިމީހުންގެ އިތުރުން އަޒްމީލާއި މުސްތަފާ ވެސް ބަންދުކޮށްފައި ހުރިކަމަށް ޚަބަރު ލިބުނެވެ. މިއެންމެންތިބެނީ އެކުގައި އެއްގޮޅިއެއްގައެވެ.
3 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 620 ވަނަ ދުވަހެވެ. އިއްޔެ ހަންދު އާއި ބިގޭ ގާމާދޫޖަލަށް ގެނައިއިރު ކިޔޮޅު އިބްރާހީމް ނަސީމު ވެސް ގެނައި ޚަބަރު މިއަދު ލިބުނެވެ. ކިޔޮޅުލާފައި ހުރީ އެހެން ބޮޑުގޮޅިއަކަށެވެ. ކިޔޮޅާއެކު އެ ގޮޅީގައި ހުރީ، މ.ކުރެނގި މާލެ، އަބްދުލް މުޢީދެވެ. ދެންތިބެނީ އެހެންކުށްތަކުގެ މީހުންނެވެ. މިއަދު ވިސާމަށާއި ނާސިރަށް، 10 އަހަރު ދުވަހަށްޖަލަށް ލުމަށްހުކުމް އިއްވި ޚަބަރުވެސް ލިބުނެވެ. މިއީ މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ.
4 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 621 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ.
5 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 622 ވަނަ ދުވަހެވެ. މިއަދު އިސްތަފާއަށް ހަންދު އާއި ބިގޭ މިބަޔަށް ބަދަލުކޮށް ދެއްވުންއެދި ސިޓީއެއް ލިޔުނީމެވެ. ކޮއްކޮ އިބުރޭ ހޮސްޕިޓަލަށް މާލެއަށް ގެންދިޔުމަށް ތައްޔާރުވާން އެންގުމަށް ފަހު، ކެންސަލް ވެއްޖެކަން އެންގިއެވެ. ވީގޮތެއް ނާންގައެވެ.
6 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 623 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިނޫދަށް ނެރުނެވެ.
7 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 624 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.
8 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 625 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. އަބްދުއްރައްޒާގު އޭނާގެ އަންހެނުންނާ މިއަދުބައްދަލު ކުރިއެވެ. މިއަދު ޖަލުތެރެއިން ދިމާވިބޭފުޅެއް ކަމުގައިވާ، ބޮލުގައި ނިއްކުރިއާދިމާލުން މެދުގައި ހުދުއިސްތަށިކޮޅެއް ހުންނަ ތާހާގާތުގައި ސިސިލްފަރު ނައްޓުއަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. މީނާއާ އަޅުގަނޑައި މީގެކުރިން ދިމާވެފައި ވަނީ މއ. ސިސިލްފަރު ތެރެއިންނެވެ. ނައްޓުގެ ރައްޓެހިކަމުގައި އަޅުގަނޑަކީ ވަރަށްގިނައިން ސިސިލްފަރަށް ގޮސްއުޅުނު މީހެކެވެ. އެގޭގެ އެންމެންނާވެސް ވަރަށް ރައްޓެހިވާނެއެވެ.
9 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 626 ވަނަ ދުވަހެވެ. މިއަދަކީ، ރަބީއުލްއައްވަލް މަހުގެ، 12 ވަނަ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ކީރިތިރަސޫލާ ދުނިޔެވަޑައިގެންނެވި ދުވަހުގެ މުނާސަބަތުގައި ރަސްމީބަންދުވީއެވެ. އިސްލާމީ ގައުމުތަކުގައި މިދުވަހަކީ ސަރުކާރުތައް ރަސްމީކޮށް ބަންދުކުރާ ދުވަހެކެވެ. މިއަދުހަންނާނަށާއި ސައްޕެއަށް އެމީހުންގެ ގެއިން ކާނާފޮނުވިއެވެ. ޖަލުތެރޭގައި މިއަދުކެއުން ވަރަށްތިޔާގި ދުވަހެކެވެ.
ޖަލުކާނާވެސްހުރީ ތަފާތުކޮށް ރަނގަޅުކޮށްލާފައެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ވެސް ބޮޑުދުވަހެކެވެ. ސިފައިންގެ އެންމެމަތީ ފެންވަރުގެ ވެރިއެއް ކަމުގައިވާ އާދަމްޒާހިރު ފުރަތަމަފަހަރަށް ޖަލުގެ މިބަޔަށް ޒިޔާރަތް ކުރެއްވިދުވަހެވެ. އަޅުގަނޑާއި ކޮއްކޮ އިބުރޭ އާއި ހަންނާނާއި މުއާޒާއި ރަޣީބާއި ރިޝްވާނާއި މުހަންމަދު އަބްދުއްރައްޒާގާއި ސައްޕެ އާއި އާދިލާއެކު ވަކިވަކިން ވާހަކަދައްކަވައި ހެއްދެވިއެވެ.
ބައެއް ގައިދީންނާ، ގެއަށް ބަދަލުވުން ކަހަލަ ލުޔެއްލިބިއްޖެނަމަ ހަދާނެގޮތަކާއި އުޅޭނެގޮތަކާމެދު ސުވާލު ކުރެއްވިއެވެ. އަދި މިހެން ދިމާވެއްޖެ ނަމަ ވިސްނުންގެންގުޅޭނެ ގޮތަކީކޮބައިތޯ ވެސް އައްސަވާ ހެއްދެވިއެވެ. ގިނައިން ކުރެއްވީ މިޒާތުގެ ސުވާލުތަކެކެވެ. މިބައިގެ ބޭރުގައި ޖަލުގައި ތިއްބެވި އެހެންގައިދީންނާ ވެސް ބައްދަލުކުރެއްވި ޚަބަރުފަހުން ލިބުނެވެ. އަޅުގަނޑުގެ ވިސްނުމަށް ގެނެސް ލާފާކުރެވުނީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގެއަށް ބަދަލު ކުރަން ވިސްނަވަނީ ކަމަށެވެ.
އަލިފާނުގެ މައްސަލާގައި ގާމާދޫޖަލުގެ ބަންދުގައިހުރި އަޒީ އަމިއްލައަށް ބައްދަލުވާން އެދުމުން ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށް ޚަބަރުލިބުނެވެ. އެހެނަސް އެބޭފުޅުން ބަލާ ލޯންޗުއައުމުން އަޒީއާ ބައްދަލު ކުރެއްވުމުގެ ކުރިންފުރުއްވަން ޖެހިގެން ފުރާވަޑައިގެންނެވީ، އަޒީއާ ބައްދަލު ނުކުރައްވާ ކަމަށް ޚަބަރުލިބިފައި ވެއެވެ. މިއަޒީއަކީ އަލިފާނުގެ ހާދިސާއާ ބިންބިފޯހާގުޅުވާ އެވާހަކަތައް އެންމެކުރިން ހާމަކުރި ގައިދީއެވެ. އެކަންވެގެން ދިޔައީބޮޑު ކަންތައްގަނޑަކަށެވެ.
10 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 627 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ސައްޕެ އާއި ނާސިރު އެމީހުންގެ ގޭގެ މީހުންނާ ބައްދަލުކުރުން މިއަދުއޮތެވެ.
ކުވޭތުރަސްގެފާނު މޫދަށް ވެއްޓިވަޑައިގަތް ޚަބަރު ޖަލަށްލިބުން:
11 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 628 ވަނަ ދުވަހެވެ. ކުވޭތު ރަސްގެފާނު މާލެވަޑައިގެންނެވި ޚަބަރުރޭޑިޔޯ އިންލިބުނެވެ. ފުރާވަޑައި ގަންނަވަނީ މާދަމާ، 10:30 ގައި ކަމަށް ރޭޑިޔޯޚަބަރުގައި ބުންޏެވެ. ސިފައިންގެ ބޭފުޅުންގެ ފަރާތުން ޚަބަރު ލިބުނު ގޮތުގައި ކުވޭތު ރަސްގެފާނު ހުޅުލޭގައި ނުވަތަ ހުންނެވި ރިޒޯޓުގައި ހުންނަވާފައި ލޯންޗަށް އަރާވަޑައި ގެންނެވުމެއްގައި ފާލަމާއި ލޯންޗާ ދޭތެރެއަށް ވެއްޓިވަޑައި ގަތެވެ. މިކަން ވެގެންދިޔައީ ސީރިއަސް ކަމެއްގެ ގޮތުގައެވެ. މިކަން އެނގުނީ އެތަން ދުށް މީހުން ކިޔައިދީގެންނެވެ.
12 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 629 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު އަންނި އޭނާގެ ބައްޕައާ ބައްދަލު ކުރެއްވިއެވެ. މާލޭގެ މުހިންމު ޚަބަރުތައް ލިބުނެވެ. އަދި އަޅުގަނޑަށް ސަލާމް ބުނުއްވި ކަމަށް އަންނި ބުނެދިނެވެ. ސައްޕެ މިއަދު މާލެއަށް ގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ.
13 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުަވަސް، ޖަލުގައި ހުންނަތާ، 630 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.
14 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 631 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
15 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 632 ވަނަ ދުވަހެވެ. މިއަދު މަންމައާއި އަންދި އާއި އާތު އާއި ނީޝާން، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލު ކުރިއެވެ. ހަންދު އާއި ބިގޭ އާއި އެމީހުން ބައްދަލު ކުރީ ވަކިންނެވެ. އަޅުގަނޑުމެން ދެމީހުންނަށް ވަރަށް ގިނައިން ކެއުމުގެސާމާނު ގެނެސްދިނެވެ. އަދި ހަންދުމެންނަށް އެއިންބައެއް ބެހެއްޓީއެވެ. ކުރިން ބައްދަލުކުރީ އަޅުގަނޑުމެން ދެމީހުންނާއެވެ. އެހެންވެ އެދެމީހުންގެ ޚަބަރުތައް އަޅުގަނޑުމެންނަށް ލިބޭގޮތް ނުވީއެވެ. އެހެނަސް އެދެމީހުންނަށް އަޅުގަނޑުމެން ދެމީހުންގެ ޚަބަރުތައް މަންމަމެން ދޭނެކަން ކަށަވަރެވެ.
16 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 633 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
17 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 634 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.
18 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 635 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މަޖާދުވަހެކެވެ. ގިނަވަގުތު ހޭދަވެގެން ދިޔައީ މޫދުގައެވެ.
19 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 636 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.
20 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 637 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. ހަންނާނާއި ރިޝްވާނު މާލެ ގެންދިޔައެވެ. މިއަދު އަންނިގެ މަންމަ، އަންނިއާ ބައްދަ ލުކުރިއެވެ. އަޅުގަނޑުމެން އެންމެންނަށް ސަލާމް ބުންޏެވެ. އަދި ހަންނާނާއި ރިޝްވާނާ ދެމީހުން މާލެއަށް ގޭގެބަންދަށް މިއަދު ބަދަލު ކުރިއެވެ. މިދެމީހުން ގެންދިޔައީ ގެންގުޅުނު ސާމާނާ ނުލައެވެ.
ޖަލުއޮފީހުގައި އުޅޭ ރަޣީބުކިޔާ މީހަކާއި މުނީރު ކިޔާ މީހަކު އިޝާނަމާދަށް ފަހު، މިބަޔަށްއައިސް މިދެމީހުންގެ ސާމާނުތައް މާދަމާ ހެނދުނު ގެންދާގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމަށް އެންގިއެވެ. މިރޭ އިސްތަފާއާއި ބޮޑުޖަމާއަތެއް ޖަލުތެރޭއަށް ވެންނެވިއެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ. މިއީ ނައުޝާދަށް ފަހު، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގޭބަންދަށް ބަދަލު ކުރި ފަހަރެވެ.
21 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 638 ވަނަ ދުވަހެވެ. ހެދުނު ޖަލުއޮފީހުން ބަޔަކުއައިސް ހަންނާނާއި ރިޝްވާނުގެ ފޮއްޓާއި ސާމާނުތައް މާލެ ގެންދިއުމަށްޓަކާ މިބައިންނެރެގެން ގެންދިޔައެވެ.
22 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 639 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށްނެރުނެވެ. މިއަދު ސައްޕެ މާލެ ގެންދިޔައެވެ. ހީވަނީ ގޭބަންދަށް ބަދަލު ކުރީ ހެންނެވެ. މިހެން މި ނިންމީ ސައްޕެ ނެރުމާއެކު ހަންދުގެނެސް ސައްޕެ ހުރިކޮޓަރިއަށް ވެއްދީމައެވެ. އަދި ރިޝްވާނުއޮތްތަނަށް އަންނިކޮޓަރިއަށް ބިގޭ ގެނެސް ވެއްދީމައެވެ. މިދެމީހުން މިބަޔަށް ގެނެސްވެއްދީ މެންދުރު ކެއުމުގެ ކުރިންނެވެ. ސައްޕެ ފޮށިތަންމަތި ހުރީ ތައްޔާރުކޮށް ނާސިރުގެ ބެލުމުގެ ދަށުގައެވެ.
އެހެނަސް ކަންދިމާވިގޮތަކީ ހަވީރުދޯނިން ސައްޕެ އަނބުރާ ޖަލަށް ގެނައީއެވެ. ދެން ޖެހުނީ ސައްޕެއޮތް ކޮޓަރިން ހަންދުނެރެ ހަންނާނު ގެންދިއުމުން ހުސްވި ކޮޓަރިއަށް، ހަންދު ބަދަލުކުރާށެވެ. ހަންދު ސައްޕެ ކޮޓަރިން ނެރެ ހަންނާނު ނުކުތުމުން ހުސްވި ކޮޓަރިއަށް ޖަލުއޮފީހުން ބަޔަކުއައިސް ބަދަލުކޮށް ނިންމައިފިއެވެ. ހަންދު އާއި ބިގޭއަށް މިބަޔަށް އާދެވުނީމާ އަޅުގަނޑުމެން ވަރަށް އުފާވިއެވެ. އަދި މިއަދަކީ އަޅުގަނޑުމެން އެއްބަޑުއެއްބަފާ ހަތަރުމީހުން ޖަލުގައި އެއްތަންވީ ދުވަހެވެ.
މިކަމަށް އަޅުގަނޑު އެދިގެންއުޅޭތާ މިހާރު ދުވަސް ތަކެއް ވެއްޖެއެވެ. އިސްތަފާ ވަނީ މިކަންކޮށްދޭނަމޭ ކުރިން ވިދާޅުވެފައެވެ. ހަންދު މި ހަމަޖެހުނީ، 9 ނަންބަރު ކޮޓަރިއަށެވެ. ބިގޭ، 7 ނަންބަރު ކޮޓަރިއަށެވެ. ބިގޭވެއްދީ އަންނި ކައިރިއަށެވެ. ބިގޭ އަންނިކާރިޔަށް އެކޮޓަރިއަށް ވެއްދުމުން އަންނި ވަރަށް އުފާކުރިއެވެ. މިރޭވެގެން ދިޔައީ ވަރަށްމަޖާ ރެއަކަށެވެ. ވަރަށް ގިނައިރު ވާހަކަދައްކަން ހޭލާ ތިބީމެވެ. އަދި މިއަދު ގެއިން ނޫސްބޮނޑިއެއް ވެސް ލިބުނެވެ. އަޅުގަނޑު، އިބުރޭ، ހަންދު، އަދި ބިގޭ އެއްތަނަށް ޖަމާވީއެވެ.
23 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 640 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް، މައާފަށް އެދި ހަންދު ސިޓީއެއް ލިޔެ ޖަލުއޮފިހާ ރައްދުކޮށްދިނުމަށް އެދި ހަވާލުކުރިއެވެ. މިއަދުވެސްވީ އުފާވެރި ދުވަހަކަށެވެ. ހަވީރު ވަގުތެއްގައި ކޮއްކޮ އިބުރޭ އާއި މުހަންމަދު އަބްދުއްރައްޒާގާއި ރަޣީބުއަލީ އާއި ކެޕްޓަން މުއާޒު، މިހަތަރު މީހުން ސާމާނާ އެކު ނެރެގެން މާލެ ގެންދިޔައެވެ. ގޭގެބަންދަށް ބަދަލުކުރީއެވެ.
މިބައިން ނެރުނީ ފަހެއް ޖަހާ އެހާ ކަންހާއިރުއެވެ. މިރޭ އެމީހުންނިދާނީ ގޭގައެވެ. ޖަވާހިރުވާދީއަށް އަނެއްކާވެސް އެކަކު ގެންދިޔައީއެވެ. އަލީރަޝީދަށާއި އިބްރާހީމް ރަޝީދަށް ގެއަށް ދެވުނީއެވެ. މިހާރު ޖަލުގައި މިތިބީ އަޅުގަނޑާއި ހަންދުއާއި ބިގޭއާ ތިންމީހުންވެ. އަދި މިއަދު ބޭރުންވެސް ބަޔަކު މާލެއަށް ގެންދިޔަ ޚަބަރު ލިބުނެވެ. އެކަމާ މަންމަމެން އުފާކުރާނެއެވެ. ބޭރުންގެންދިޔައީ އަބްދުލްމުޢީދާއި ޒަހީނާއި ހީރޯއެވެ. ހީރޯއަކީ އަލިފާނުގެ މީހެކެވެ.
ޒަހީނަކީ އާދަންޒާހިރު ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގެ މީހެކެވެ. މުޢީދަކީ ކަޓޫރަބޮމުގެ މީހެކެވެ. މިއަދާހަމައަށް ބޭރުންނާއި މިބައިން ޖުމްލަ، 14 މީހުން މާލެއަށް ގެންދެވުނީއެވެ. ފުރަތަމަ ފަހަރު ބޭރުން، ތިންމީހުންނެވެ. އަދި ދެވަނަ ފަހަރު އެތެރެއިން ތިންމީހުންނެވެ. ތިންވަނަ ފަހަރު އެތެރެއިން ހަތަރުމީހުންނެވެ. ބޭރުން ވެސް ހަތަރުމީހުންނެވެ. ޖުމްލަ، 14 މީހުން ހަމަވަނީ މިގޮތަށެވެ.
24 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 641 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
25 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 642 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.
26 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 643 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
27 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 644 ވަނަ ދުވަހެވެ. ސައްޕެ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.
28 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 645 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. ވިސާމް، ޖަނާބު (ވިސާމަށް ޖަލުގައި ކިޔާ ވަނަން) ނާސިރު، އާދިލް، އަދި އިބުރޭ (ކާދޫ) މާލެއަށް ކޯޓުނަންބަރ، 6 އަށް ގެންދިޔައެވެ. މިއީ މުޅިންވެސް މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ. މީމީހުންގެ މައްޗަށް ކާރަކަށް ޕޭންޓްރިމޫވަރ ޖަހައިގެން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމް، މިއަދު އަލުން ކޯޓުން ނިންމެވީ، އެއްއަހަރު ދުވަހަށް ޖަލަށްލުމަށެވެ.
އަދި މިއަދުގެ ހުކުމުގައި ކުރިން، 10 އަހަރަށް އިއްވިފައިވަނީ އޮޅުމަކުންކަމަށް ގާޒީވިދާޅުވެ، އެއްއަހަރަށް އެހުކުމް ބަދަލުކުރައްވައި އެމީހުންގެ މައްޗަށް އަލުން އާހުކުމެއް އިއްވީއެވެ. މިގޮތަށް ހުކުމް އިއްވުމަށް ފަހު، ހުކުމް މިބަދަލު ކުރަނީ ކީއްވެގެންކަމެއް ސާފެއްނުވެއެވެ.
މިކަންތައް ކުރަމުން މިގެންދަނީ ކުޅިވަރެއް ކުޅޭހެންނެވެ. ވަކިބަޔަކު ތާށިކުރަން އާގާނޫނެއް ހަދާއި ރައީސް އޮފީހުން އަންގާގޮތަށް ޝަރީޢަތް ކުރާހާ ހިނދަކު މިފަދަ، ހެއްވާކަންތައް ފެންނަމުން ދާނެކަން ކަށަވަރެވެ. މިއީ އަދުލްއިންސާފުތޯ ސުވާލު އުފެދެއެވެ. މިކަންކުރެއްވި ގާޒީއަކީ، އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދެވެ. މިހެންހަދަން ޖެހުނީ އޮޅިގެންކަމަށް އެކުދިންނަށް ކޯޓުންޖަވާބުދިން ކަމަށް އެކުދިން ބުނެދިނެވެ.
29 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 646 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.
30 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 647 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދުކުރި މަސައްކަތަކީ، 3 ސިޓީލިޔެ ޖަލުއޮފީހާ ހަވާލުކުރުމެވެ. އެއްސިޓީ ލިޔުނީ، އިސްތަފާއަށެވެ. ގޭގެމީހުން އަޅުގަނޑާ ބައްދަލުކުރުމަށް ޖަލަށް އަންނަ ދުވަހެއްގައި އެންމެން އެކުގައި ގްރޫޕްފޮޓޯއެއް ހަނދާނަށްޓަކައި ބޭއްވުމުގެ ބޭނުމުގައި ނެގުމުގެ ހުއްދަދެއްވާ ތޯއެވެ. މިސިޓީގައި އިތުރުލުޔެއްގެ ގޮތުގައި ގެއަށް ބަދަލުކޮށް ދެއްވުމަށް ވެސް އެދުނީމެވެ.
ދެވަނަ ސިޓީލިޔުނީ، ހަންދު އާއި ބިގޭ ޖަލުގެ މިބަޔަށް ބަދަލުކޮށް ދެއްވީތީ އާއި އަޅުގަނޑު މެންނަށް ދެއްވަމުން ގެންދަވާލުއި ތައް ދެއްވަމުން ގެންދަވާތީ އެކަންކަމަށް ޝުކުރުއަދާކޮށެވެ. ތިންވަނަ ސިޓީއެއް ލިޔުނީ ގެއަށް މަންމައަށެވެ. މިތިންސިޓީގައި ވެސް ޖެހީ މާދަމާގެ ތާރީޚެވެ. އެހެން ހެދީ އަލަށްމަހެއް ފެށޭތީ އެދުވަހުގެ ތާރީޚުޖެހުމުގެ ގޮތުންނެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓުނަންބަރ، 6 ގެ ވަރަށް ގިނަބޭކަލުން ޖަލުތެރެއަށް ޒިޔާރަތްކޮށްގެން އުޅުއްވަނިކޮށް ފެނުނެވެ.
މީގެތެރޭގައި ގާޒީއަބްދުލްޣަފޫރުން ފެށިގެން، އެ ކޯޓުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ތިއްބެވިތަން ފެނުނެވެ. ހީވަނީ، 3 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާގައި ބައިވެރިވި ބިދޭސީ ޓެރަރިސްޓުންގެ ހުކުމަށް ގޮތެއްހައްދަވާ ލައްވަން އުޅުއްވަނީ ހެންނެވެ. ނުވަތަ އެހެންކަމަކަށް ވެސް ވެދާނެއެވެ. ތަމަޅަ ކުލީސިފައިން އެދުވަހު ގާމާދޫން ފެނިފައިވެއެވެ.
މިވެރިންމާލެ ނުގެންދަންވެގެން މުޅިކޯޓުއެކުގައި ޖަލަށް ގެނެސް ކަމެއްކޮށްލެއްވީ ކަމުގައި ވެދާނެއެވެ. މިކަހަލަ ގިނަކަންތައް ފެންނަ މިންވަރަކުން ޔައުމިއްޔާ ކުރަން ޖެހެނީ އަޅުގަނޑުގެ ހިތަށް ލަފާކުރެވޭ ގޮތަށެވެ. ބައެއް ކަންތަކުގެ ހަގީގަތް ބުނެދޭން ނޭނގެނީއެވެ. ޖަލުގައި ތިބޭއިރު މައުލޫމާތު ލިބެނީ ގިނައިން ތުންތުން މަތިންނެވެ.
1 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައު ހުންނަތާ، 648 ވަނަ ދުވަހެވެ. ގެއަށް ލިޔުނުސިޓީއާއި އިސްތަފާގެ ސިޓީއާއި ރައީސް މައުމޫނަށް ލިޔުނު ސިޓީއާ، މިތިން ސިޓީގައި މިއަދުގެ ތާރީޚު ޖެހުމަށް ފަހު އިއްޔެހަވީރުގެ ވަގުތެއްގައިވާނީ، ޖަލުއޮފީހާ ހަވާލުކޮށް ނިންމާފައެވެ.
2 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 649 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މަޖާދުވަހެކެވެ.
3 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 650 ވަނަ ދުވަހެވެ. މިއަދު ހަންދުލައްވާ ޖަލުއޮފީހުން އެއްބަސްވުމެއްގައި ސޮއިކުރުވިއެވެ. ޖަލުގެބަންދުގައި ހުންނަހުރުމުގައި އެކަހެރިކޮށް އަންހެނުންނާ ބައްދަލުކުރުމުގެ ހަމަތަކާއި މިންގަނޑުތަކުގެ އެއްބަސް ވުމެކެވެ. އެކަންހިނގާނެ ގޮތާއި އެކަންހިންގުމަށް ލިބިދޭ ސައުވީސް ގަޑިއިރުތެރޭގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކުގެ އެއްބަސް ވުމެކެވެ.
4 އޮކްޓޯބަރ 1992 ވިއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 651 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.
5 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 652 ވަނަ ދުވަހެވެ. މިއަދު މެންދުރު، 12 ޖެހުމުން ހަންދުބަލާ ޖަލުއޮފީހުން އައެވެ. ހަންދު އަންހެނުން، އާތު ޖަލަށް އައުމާ ގުޅިގެން އެދެމީހުންގެ އެކަހެރި ބައްދަލުވުން ފެށުމަށްޓަކާ އެކަމަށް ހަމަޖެހިފައިވާ ކޮޓަރިއަށް ގެންދިއުމަށެވެ. މިކޮޓަރި ހުންނަނީ، ޖަލުތެރޭގެ ސަރަހައްދެއްގައި ޖަލުއޮފީހާކައިރި ހިސާބެއްގައެވެ.
ކޮޓަރިހަދާފައި ހުންނަނީ، އެޓޭޗް ޓޮއިލެޓެއް ލާފައެވެ. ފެންޑާއަކާއެކު ހުންނަކުޑަ ކޮޓަރިއެކެވެ. މިއެއްބަސްވުން ބުނާގޮތުން މިކޮޓަރީގައި ދެމަފިރިންނަށް، 24 ގަޑިއިރުވަންދެން ދިރިއުޅުމުގެ ހުއްދަ ދެވޭނެއެވެ. ކެއުމާއި ހުރިހާކަމެއް ބަލަހައްޓާނީ ޖަލުއޮފީހުންނެވެ. އެތަނަށް ގެންލުންދީ ފިލާހެދުންކަހަލަ ކަމެއް ކުރަން އުޅެފިނަމަ އެކަމުގެ ޒިންމާއުފުލަން ޖެހޭނީ، ގައިދީ އަމިއްލައަށެވެ. ޒިންމާވާންޖެހެއެވެ. އެކަހެރި ބައްދަލުވުން ދެމިގެން ދާނީ، 24 ގަޑިއިރަށެވެ.
6 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 653 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އަދި ހަވީރުގެ ވަގުތެއްގައި ހަންދު އާއި އާތުގެ އެކަހެރި ބައްދަލުވުން ނިމިގެން، ހަންދު އަނބުރާ މިބަޔަށް ގެނައެވެ. މާލޭގެ ޚަބަރުތަކާއި ގޭގެޚަބަރުތައް މުޅިންރަނގަޅު ކަމަށް ހަންދުކިޔައި ދިނެވެ. ވަރަށް މިނިވަންކޮށް ކޮޓަރީގެ ފެންޑާއަށް ނުކުމެގޮނޑީގައި ތިބެވޭކަމަށް ހަންދުބުންޏެވެ. އަނބިންގެ ކަންތައް މިގޮތަށް ހަމަޖައްސައި ދޭއިރުވެސް ގިނަގައިދީންގެ އަނބިންނަކީ މިނިވަންވެ، ދޫކޮށްލާއިރު އަނބިންގެ ގޮތުގައި ތިބެވޭ ބަޔަކަށް ނުވެއެވެ.
އޮންނަނީ ކޮންމެވެސް ގޮތެއްވެގެން ގޯސްވެ ވަރިވާ ހިސާބަށް ގޮސްފައެވެ. ޖަލަށްލާ ގައިދީންގެ އަނބިންގެ ގާތަށް ސިފައިން ޖެއްސުމަކީ އޭރުގެ ނުބައި ސަގާފަތެކެވެ. ފުރަތަމަ ޒިޔާތަރްކުރަނީ ފިރިމީހާގެ އުފާވެރި ޚަބަރަކައި ގެންނެވެ. ދެން އޭގެ ފަހުން ގަދީމީ ސަގާފީގުޅުން ބަދަހި ވަނީއެވެ. މިއަދު އިރުއޮއްސެން ކާރިވެފައި ވަނިކޮށް އިސްތަފާއާ ބައްދަލުކުރުމަށް އަޅުގަނޑު ނެރުނެވެ. ވަރަށް ގިނައިރު އިސްތަފާއާއެކު ވާހަކަދައްކަން ދެމީހުން ތިބީމެވެ. ޖަލުގެ އިސްލާހީ ވާހަކަތަކާއި ޖަލާ ގުޅޭ ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ. ކަންތައްތައް އިތުރަށް ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު ބޭނުންކުރުމަށް ވޯލްޑްބޭންޑް ރޭޑިޔޯއެއް ގެއިން ގެނެވޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. އަޅުގަނޑު އެދުނު ހުރިހާ ކަންތަކުން މިހާތަނަށް ނުވެ އޮތީ މިކަންތައް އެކަންޏެވެ. މިކަމުގައި ފަރުވާކުޑަ ކުރެވެނީ އަބަދުވެސް އަޅުގަނޑު އަތުގައި ކިތެންމެކުޑަ ނަމަވެސް ރޭޑިޔޯއެއް އޮންނާތީއެވެ. އަދި އަޅުގަނޑު ލިޔާސިޓީތައް ބައްލަވާކަމާއި އެސިޓީތަކުގެ އިބާރާތްތައް ވަރަށް ރަނގަޅުކަމާއި ބައެއް ސިޓީގައި ހުންނަވާހަކަތަކުން އިސްތަފާއަށް ވެސް ބައެއްކަހަލަ އަސަރުތަކާއި ފައިދާތައްވެ އަގުހުރި މައުލޫމާތު ލިބޭކަމަށް ވިދާޅުވިއެވެ.
އަދި އާންމުމައުލޫމާތު އިތުރުވެގެން ދާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންނާދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވިއެވެ. ނިންމާލަމުން އިލްޔާސްގެ ސޫރައާއިސިފަ މާލޭގައި ގެންގުޅުއްވާ ތަހުޒީބީ ރީތިގޮތަށް ބަދަލުކޮށް ލެއްވުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވެދެއްވިއެވެ.
މިވިދާޅުވަނީ ބޮލާއިތުނބުޅި މާލޭގައި ބަހައްޓާފައި ހުންނަގޮތަށް ކޮށާލާ ވާހަކައެވެ. އަޅުގަނޑު މިބައްދަލުވުން ނިންމާލާފައި ނުކުތީ ތިޔަހުރިހާ ކަމަކަށް ވިސްނާނެކަމަށް އިސްތަފާއަށް ދަންނަވާފައެވެ.

ބޮލާއިތުނބުޅި ކޮށާލައި މާލޭގައި އުޅުނު އިރު ހުރި ސޫރައާއި ސިފައަށް ބަދަލުވުމަށް އައިމަގު މަތީގައި އަޅުގަނޑު ނިޔަތްގަނެ މާދަމާ އެކަންކުރުމަށް އަޒުމް ކަނޑައެޅީމެވެ. އިސްތަފާގެ ބަސް ގަބޫލު ކުރަން ހިތަށް އެރީއެވެ. ~ނުނިމޭ~



Comments