ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު އެކެއް އަދި ސުވާލު ދޭއް
- ilyashusein
- Apr 28
- 25 min read
Updated: May 12
މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.
އަހުރެންގެ ސިޔާސީ ވިސްނުން:
ސ، އެކެއް: އިލްޔާސްގެ ކުރީގެ ދުވަސްތަކުގައި، 1990 އިން ފެށިގެން، 2004 އަށް މިނިސްޓްރީ އޮފް އެޓޮލްސް ގައި އުޅުނު ދުވަސް ވަރުން ފެށިގެން ފެނިފައި ވަނީ، ވަރަށް ހަރަކާތްތެރި ސިޔާސީ މީހެއްގެ ގޮތުގައެވެ. އެހެނަސް ރައީސް ޔާމީނު ވެރިކަމުގެ ބާރަށް ވަޑައިގެންނެވުމަށް ފަހު، ދިވެހި ސިޔާސަތުގެ ތެރެއިން އިލްޔާސް ފެނިގެން ދަނީ ވަރަށް ފަނޑުކޮށެވެ. އެއީ ކީއްވެތޯ؟
އަދި ވެސް އިލްޔާސަކީ، ސިޔާސީ މީހެއްތޯ އެވެ؟ އަދި އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި އިލްޔާސަކީ، ސިޔާސީ ގޮތުން ފެންވަރު ހުރި ސިޔާސީ މައިދާނެއް ދެއްކިދާނެ ގާބިލްކަން ހުރި ސިޔާސީ ލީޑަރެއް ކަމުގައި ގަބޫލު ކުރައްވަންތޯ އެވެ؟
ޖ، އެކެއް: އާދެ! ޔުނިވަސިޓީން ގުރެޖުއޭޓު ވުމަށް ފަހު، 1984 ވަނަ އަހަރު ދިވެހިރާއްޖެއަށް އައިގޮތަށް، 2013 ވަނަ އަހަރު، ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން ސަރުކާރުން އަހުރެން ވަކިކޮށް ކަނޑާލައްވަން ދެން އަޅުގަނޑު އުޅުނީ، ގައުމީ ޚިދުމަތްކުރުމަށް ދިވެހިދައުލަތުގެ ސަރުކާރުތަކުގަ އެވެ. އެމުއްދަތަކީ ތިރީސް އަރަހާ ގައިތްކުރާ ދިގު މުއްދަތެކެވެ.
2008 ވަނަ އަހަރު އިންތިޚާބުވި އާސަރުކާރާ ހަމައަށް ގިނަދުވަސް ތަކުގައި ދައުލަތުގެ ވަޒީފާ އަދާކުރީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނު ގައެވެ. އެއަށް ފަހު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައެވެ. ފަހުން، މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ދެން އެއަށް ފަހު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ މަތިވެރި ޝަރަފުގައި ހުރީމެވެ.
އާދެ! 2013 ގައި ރައީސް ޔާމީނު ވެރިކަމަށް އަރާވަޑައިގެން އޭނާ އައި ފިކުރީގޮތުން ޚިޔާލުތަފާތު ސިޔާސީމީހުން ސަރުކާރުން ކަނޑާލެއްވި އިރު އަޅުގަނޑު ހުރީ، ބަނގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މިނިސްޓަރެއްގެ މަގާމުގަ އެވެ. އެއީ ވަރަށް މަދު މަސް ކޮޅެއްގައެވެ.

އެދުވަހުން ފެށިގެން އަދާ ހަމައަށް ވެސް މިއުޅެނީ، ސަރުކާރު ވަޒީފާއެއް ނެތިއެވެ. އެހެނަސް ދައުލަތުގެ ޕެންޝަން އޮވެއެވެ. ދިރިއުޅެނީ އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. އުޅެމުން މިގެންދަނީ، ސަރުކާރާ އިދިކޮޅު މީހެއްގެ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރު ޑިމޮކްރަސީގެ ހަމަމަގަށް އެޅުވުމުގެ ސިޔާސީ މަސައްކަތުގައި އިދިކޮޅު ސިޔާސީ ހަރަކާތުގަ އެވެ.
ކުރިޔަށް އޮތްތާގައި ވެސް ދިރިހުރިހާ ދުވަހަކު އުޅޭނީ ސިޔާސީ މީހެއްގެ ގޮތުގައި ސިޔާސީ ކަންކަމުގައެވެ. އިދިކޮޅު ހަރަކާތުގެ މަގުމަތީ މުޒާހަރާ ތަކުގައި އަމަލީގޮތުން މި ދުވަސްކޮޅު ނުފެނުނަސް އެހެން ހުރިހާ ގޮތަކުން މީޑިއާތައް މެދުވެރިކޮށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވަމުންދާ މީހެއްގެ ގޮތުގައެވެ.
1970 ވަނަ އަހަރުން ފެށިގެން ކިޔަވަން އުޅުނީ ދިވެހިރާއްޖެއިން ބޭރުގައެވެ. އޭގެ ކުރީގެ ޅަފަތުގެ ދުވަސްވަރު ކިޔެވީ، މަންޓުސޫރީ ސްކޫލްގައާއި މަޖީދިއްޔާ ސްކޫލްގައެވެ. މަޖީދިއްޔާ ސްކޫލުން ކަނޑާލެއްވީ ބައްޕަގެ އެދުމަށް ޕާކިސްތާނަށް ކިޔަވަން ފޮނުއްވާށެވެ. މަޖީދިއްޔާ ސްކޫލްގައި އޭރު ކަނޑާލެއްވި އިރު ހުރީ ގުރޭޑު ފަހެއްގައެވެ.
ރާއްޖެއިން ބޭރުން ކިޔެވި ފުތަމަ، 6 އަހަރު ހުރީ ޕާކިސްތާނުގެ ރަށެއް ކަމުގައިވާ ލައިލްޕޫރު ގައެވެ. މިހާރު އެރަށަކީ ފައިސަލްއާބާދު އެވެ. ދެން އެއަށް ފަހު، ސައުދީ އެރެބިއާގައި ހުންނަ މަދީނާ ޔުނިވަރ ސިޓީގައެވެ. ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން އުޅެން ފަށައިގަތީ، ޕާކިސްތާނުގެ ފައިސަލް އާބާދުގައި ހަރަކާތްތެރިވާ، އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އަހްލުލް ހަދީސް" ޖަމާއަތުން ހިންގާ ޕްރައިވެޓް ޔުނިވަރ ސިޓީ، ޖާމި އާސަލަފިއްޔާ ގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ.
ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ "ތަހުރީކެ އިސްތިގްލާލް ޕާޓީ" ގެ ފައިސަލް އާބާދުގައި ހުންނަ ކިޔަވާ ކުދިންގެ އޮފީސް ހިންގުމަށް ހަވާލުވެގެން ހުރި އިރުއެވެ. އޭރު އަޅުގަނޑަކީ، އެޕާޓީގެ އެ އޮފީހުގެ ސެކްޓަރީ ޖެނެރަލްގެ މަގާމުގައި އެންމެ އިސްކޮށް އެ އޮފީސް ހިންގަން ހުރި މީހާއެވެ. އެހެންވުމުން އެޕާޓީގެ ފަރާތުން ހިންގާ ހުރިހާ ސިޔާސީ ހަރަކާތެއް ގައި އަމަލީގޮތުން އިސްކޮށް އަޅުގަނޑު އުޅެންޖެހެ އެވެ.


އެދުވަސްވަރަކީ ޕާކިސްތާނުގައި ބޭނަޒީރުގެ ބުއްޓޫގެ ބައްޕަ ޒުލްފިގާރު އަލީ ބުއްޓޫ ސާހިބުގެ ވެރިކަމާ ދެކޮޅަށް ގިނަގުނަ ސިޔާސީ ހަޅުތާލުތަކެއް، މުޅި ޕާކިސްތާނުގައި ކުރަމުން ދިޔަ ދުވަސްވަރެވެ. މި މުޒާހަރާ ތަކުގައި ބައިވެރިވުމަށް ކިޔަވާކުދިން ނެރެ ސިޔާސީ ގޮތުން ހަރަކާތްތެރި ކުރުވުމަށް އަމަލީ ގޮތުން އުޅެން ޖެހުނީ، އަޅުގަނޑު ކަމުން ވަރަށްގިނަ ސިޔާސީ ތަޖުރިބާތަކައި އެކި ކަހަލަ ކަންތައްތަކާ އެ އުމުރުގައި ކުރިމަތިލާން ޖެހުނެވެ. ހުރިހާ ސިޔާސީ ހަރަކާތެއްގައި ވެސް ކިޔަވާ ކުދިންގެ ފަރާތުން އެންމެ އިސްކޮށް ފައިސަލް އާބާދުގައި އުޅެންޖެހުނީ އަޅުގަނޑެވެ.
ފަސިންޖަރުން އުފުލާ ސަރުކާރުގެ ބަސްތައް ހުއްޓުވައި ހުރިހާ މީހުން ބޭލުމަށް ފަހު، އަންދާލުމާއި ބައެއް ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލުމަކީ، ޕާކިސްތާނުގައި ވަރަށް އާދައިގެ ކަންކަމެވެ. ހަމަ އެފަދައިން ސިފައިންގެ ފަރާތުން ކަރުނަގޭސް ޖެހުމާއި ލާޓީޗާޖު ކުރުމަކީ، ކޮންމެ މުޒާރާއަކުން ތަޖުރިބާ ކުރަންޖެހޭ ކަންކަމެވެ. އެހެންވުމާ އެކު، ސިޔާސީ ގޮތުން ފުރަތަމަ ފިލާވަޅުތަކާއި އަމަލީ ތަޖުރިބާތައް ކޮށް އެތަޖުރިބާތަކަށް އާދައަކަށްވެ ހޭނެން ޖެހުނީ ޕާކިސްތާނުގައި ކިޔެވި ދުވަސްވަރު ޕާކިސްތާނުން ނެވެ.


މިހަރަކާތުގެ އިތުރުން ދިވެހި ކިޔަވާކުދިންގެ މެދުގައި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ހަރަކާތްތެރި ވާނެ އެސޯސިއޭޝަނެއް ޕާކިސްތާނުގައި ވުޖޫދަށް ގެނެސް ބައިނަލް އަގުވާމީ މުޖްތަމައު އާއި އެކިއެކި ޖަމާއަތްތަކައި ލިޔުމުން ގުޅުން އުފައްދާއި ގިނަ ހަރަކާތްތަކެއް ހިންގުނެވެ.
އެގޮތުން ހިލޭ ލިބޭ އެހީގައި ދިވެހި ބަހުން ފޮތްތައް ލިޔެ، މަޖައްލާތައް ނެރެ، ރާއްޖެއަށް ޕޯސްޓުން ފޮނުވައި ހެދުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުނީމެވެ. ސައޫދީ އެކިއެކި ޖަމާއަތްތަކުން މިކަންކަމަށް އެހީލިބެމުން ދިޔައެވެ. މިރޮނގުން ގިނަ މަސައްކަތްތަކެއް ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރެވުނެވެ.
ފަހެ، ސައޫދީންލިބުނު އެހީގައި ދިވެހިބަހަށް ގެނައުމަށް ފަހު، ޗާޕުކުރެވުނު ސައްޔިދު އަބުލްއައުލާ މައުދޫދީ ލިޔުއްވާފައި ހުރި ބައެއްފޮތްތައް ހައްޖު މޫސުމުގައި ދިވެހީންނަށް ބަހާހެދުނެވެ. އޭގެތެރޭގައި ތިންފޮތެއް ހިމެނުނެވެ. މިފޮތްތައް ދިވެހިބަހަށް ގެނައީ ސޮފުހާއަކަށް ފަސް ދިވެހިރުފިޔާގެ މަގުން އަލްއުސްތާޒު އަލްމަރުހޫމް އިމަރު އީސާއަށް ދީގެންނެވެ.
އެދުވަސްވަރު އެފޮތްތައް ރާއްޖެއަށް ޕޯސްޓުން ފޮނުވުމުން އޭރުގެ ސަރުކާރުށް ވަގަށްނަގައި ޑިފެންސް މިނިސްޓުރީގެ ޚާއްސަ ފޯސް އެއް ލައްވައި އަންދާލީއެވެ. އެ ފޮތްތައް އެކުގައި ނައްތާލީއެވެ. މިއީ ރައީސް މައުނޫގެ އަމުރަށް އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިލްޔާސް އިބްރާހީމް ހިންގެވި ޖަރީމާއެކެވެ. ރައީސް މައުމޫނަކީ މިސުރުން ކިޔަވާވިދާޅުވި ބޭފުލަކަށް ވާތީ އިޚުވާނުންނާ ވަރަށް ދެކޮޅު ވިސްނުންފުޅެއް ޚާއްސަކޮށް އެދުވަސްވަރު ގެންގުޅުއްވިއެވެ. އައްލާމާ މައުދޫދީގެ ފޮތްތަކާއި ސައްޔިދު ގުޠުބުގެ ފޮތްތަކަކީ އެ ބޭފުޅުން ދެކޭ ގޮތުގައި އިސްލާމީ ހަރުކަށި ނަޒަރިއްޔާ ފަތުރާ ލިޔުންތަކެވެ.
ދިވެހިބަހަށް ގެނެވުނު ފޮތްތައް ވަރަށް މަދުބައެއްގެ އަތްޕުޅުގައި މިހާރުވެސް، އެއިން ބައެއް ފޮތް ރައްކާ ކުރުއްވާފައި ހުރުން އެކަށީގެން ވެއެވެ. އަޅުގަނޑު އަމިއްލަ އަތުން އަލްއަމީރު މުހަންމަދު ނޫރައްދީނަށާއި މަރްހޫމް ސްމާޓް އަލިބެއަށް މީގެ ފޮތްސެޓެއް ހަދިޔާކުރީމެވެ. މިފޮތްތައް ޗާޕުކޮށް ދެއްވީ ކުވޭތުގައި ހުންނަ ކުރުނަމަކަށް، "އިފްސޯ" ކިޔާ އަމިއްލަ ޖަމްއިއްޔާ އަކުން އެމީހުންގެ ނަމުގައެވެ. ޕްބްލިސް ކުރީ އިފްސޯ އިންނެވެ.
އަދި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޖަމާއަތަކަށް، އިނގިރޭސިވިލާތުގެ އެމްނެސްޓީ އިންޓަނޭޝަނަލް އައި ދެމެދު އެދުސްވަރު ލިޔުމުން ގުޅުން އުފެއްދި ދިވެހިންނަކީ، އަޅުގަނޑުމެން ޕާކިސްތާނުގައި އުފެއްދި ކިޔަވާ ކުދިންގެ ޖަމްއިއްޔާ މޯލްޑިވްސް ސްޓޫޑެންޓުސް އެސޯސިއޭޝަން އޮފް ޕާކިސްތާން އިންނެވެ. ބޭރު ދައުލަތްތަކާއި ޖައާޢަތްތަކަށް ފުނުވާ ސިޓީތައް ތައްޔާރު ކުރާ ގޮތަކީ، ދިވެހިބަހުން ލިޔެފައި އިނގިރޭސި ދަންނަ ކުދިން ލައްވާ އިނގިރޭސިކޮށްފައި ގާނޫނީ އިލްމުގެ ޕުރޮފިސަރެއް ގާތަށް ގެންގޮސް އަގުދީގެން މޮޅު އިނގިރޭސި ބަހަށް ބަދަލުކޮށް ޓައިޕު ކުރުވަނީއެވެ.
ދިވެހިރާއްޖޭގައި އޭރުދެމި އޮތް ރައީސް ނާސިރުގެ ސަރުކާރާއި ފަހުން ރައީސް މައުމޫނުސަރުކާރުގެ ޚުދުމުޚްތާރު، މުސްތަބިއްދު ވާހަކަތައް ސައޫދީ ސަރުކާރަށާއި އެމްނެސްޓީފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް އަޅުގަނޑުމެން ވަރަށްތަފުސީލުކޮށް ދިގު ސިޓީތައް ލިޔަމުން ގެންދިޔައިމެވެ. ނާސިރު ކަންތައް ކުރެއްވި ގޮތާއި ރައީސްމައުމޫނު ވަޑައިގެން ކުރެއްވި ކަންތައްތަކުގެ ތަފުސީލެވެ. ދައުލަތަށް ވަންނަ ޑޮލަށާއި ބައިތުލްމާލަށް ހަދަމުންދާ ގޮތުގެ ވާހަކަތަކެވެ.
ސައުދީ ސަރުކާރުން މި ޝަކުވާތަކާ ހެދި ދިވެހިސަރުކާރާ މެދު ބައެއް ފިޔަވަޅުތައް އެޅުމުން ސަރުކާރުން ހަސްކާ ބޭލީ ޝައިޚު ހުސައިން ޔޫސުފާއި އޭރު މަޖްލިސްގައި ތިއްބެވި އަލިކަތީބުމެން ފަދަ އިސްލާހަށް މަސައްކަތް ކުރެންވި ބޭފުޅުންނަށެވެ. އެހެނަސް އަޅުގަނޑުމެން ޕާކިސްތާނުގައި ތިބެގެން ހިންގި އެއްވެސް ހަރަކާތަކާ އެބޭފުންނާ އެއްވެސް ގުޅުމެއް ނުހުންނާނެއެވެ. ނުވެސް އެނގޭނެއެވެ.
އަދި އެއަށް ފަހު، ސައުދީ އެރެބިޔާގެ މަދީނާ ޔުނިވަރ ސިޓީން ޕާކިސްތާނުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް އަޅުގަނޑު އިސްވެ ކުރި މަސައްކަތުން، ފުރަތަމަ ފަހަރަށް ލިބުނު ސްކޯލަރޝިޕް ގެދަށުން، އެންމެ ފުރަތަމައަށް ލިބުނު ދެ ޖާގައިން އެއްޖާގާގައި އަޅުގަނޑު ދާންޖެހުނީ، ސައޫދީ އަރަބިއްޔާގެ މަދީނާ ޔުނިވަރ ސިޓީއަށެވެ. ދެވަނަ ޖާގައަށް އަޅުގަނޑު ހަމަޖެއްސީ އަޅުގަނޑުގެ ބައްޕަ އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދު ހުސައިން އާ އެކު ޕާކިސްތާނަށް ފޮނުއްވި ރ.ކަނދޮޅުދޫ އިބްރާހީން ޒަކަރިއްޔާ މޫސާ އެވެ. އޭރު ޒަކަރިއްޔާ އަކީ ޖަވާހިރުވާދީގެ ބޭފުޅެކެވެ. އަޅުގަނޑުމެން ދެމީހުންނަކީ ޕާކިސްތާނުން އެންމެ ފުރަތަމަ ސައުދިއާ އަށް ދިޔަ ދިވެހި ދެ ދަރިވަރުންނެވެ.
އަޅުގަނޑުމެން އެޔުނިވަރ ސިޓީގައި ކިޔެވި ދުވަސްވަރު އަމަލީގޮތުން ސިޔާސީ ހަރަކާތެއް ނުހިންގެ އެވެ. ސައޫދިއާގައި އެއީ ޔުނިވަސިޓީތަކުގައި އޮންނަކަމެއް ނޫނެވެ. މަނާކަމެކެވެ. އެހެނަސް އިޖްތިމާއީ ގޮތުން މަޖައްލާތައް ލިޔެ ނެރުމާއި ކެޑޭޓްއާއި ސްކައުޓް ކޭންޕުތައްރާވައި އަމަލީގޮތުން ގޮސް އެކިހަރަކާތް ތަކުގައި ބައިވެރިވެ ވަރަށް ގިނައިން އެފަދަ ހަރަކާތުގައި އުޅެން ޖެހުނެވެ. އެއީ ވެސް އަމަލީގޮތުން އުޅެންޖެހުނު، މުޅިންހެން ސިޔާސީ އަދި އިޖްތިމާއީ ތަޖްރިބާތަކެވެ. މީގެ އިތުރުން މަދީނާގައި ހުރި އިރު ފަޔާފައިޓިިންކޯހެއް ކޯހެއް ހަދައި މަތީވަނަ ލިބުނެވެ.

އާދެ! 1983 ގައި ފަސްޓްޑިގްރީ ބެޗިލަރ އޮފް އާޓްސް އައި ހަމައަށް، އެ ޔުނިވަރސިޓީން ނިންމުމަށް ފަހު، ކިޔަވާ ނިމުމުން، އެމެރިކާގެ ސިޓީއެއް ކަމުގައިވާ ކެލިފޯނިޔާގެ ސެންފުރާންސިސްކޯ ގައި ދިހަ ވަރަކަށް މަސްދުވަހު ދިރިއުޅުމަށް ފަހު، 1984 ގައި މާލެ އައިތަނާހެން ސަރުކާރުން އެދިގެން ގެންދަވައި އެދުވަސްވަރު މާލޭގައި އަލަށް ހުޅުވި އިސްލާމީ މަރުކަޒުން މުޅިންއާ ވަޒީފާއެއް، އުފައްދަވައި އޭރުގެ ރައީސް މައުމޫނު ހަމަޖައްސައި ދެއްވައިފި އެވެ.

ފަހެ، އެހިސާބުން ރާއްޖޭގައި އޭރު ކުރެވެމުން ދިޔަ ސިޔާސީ އެންމެ ބޮޑު މަސައްކަތެއް ކަމުގައިވާ ދިގުލައިގެން ދިޔަ ގާނޫނު އަސާސީ އިސްލާހު ކުރަމުންގެންދާ މަންޒަރު ވަގުތުން ބަލަން ޖަލްސާ އޮންނަ ދުވަސްތަކުގައި އެޖަލްސާތައް ގަވާއިދުން ފޮލޯކޮށް އަޑުއަހަން ގޮސް އުޅުން އާދަޔަކަށް ހެދީމެވެ. އަދި އެޖަލްސާތަކުގެ ނޯޓުތައް އަތުން ލިޔެހަދައި އެމަސައްކަތުގައި އުޅެން ފެށުނީ އޮޓޮމެޓިކުން ނެވެ. ދިވެހިރާއްޖޭގެ ސިޔާސަތައް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.
އެކަމަށް ޝައުގުވެރިކަން އޭރު ކިޔަވައި ނިމިގެން ރާއްޖެ އައިސްތިބި އަޅުގަނޑުމެން ފަދަ ޒުވާނުންނާއި އޭރު މުޖްތަމައުގައި ތިއްބެވި ވަރަށް މަދުން އެކަމަށް ޝައުގުވެރިވާ މުސްކުޅި، ދޮށީ އުމުރުގެ ބޭފުޅުން ކޮޅެއް އުޅުއްވިއެވެ. ޒުވާނުން ތެރޭގައި އިސްކޮށް ތިއްބެވީ، ކެނެރީގޭ މުހަންމަދު ނަޝީދު "އަންނި" މިހާރު ގޮތުން ރައީސްނަޝީދު އާއި އަޅުގަނޑެވެ. ދުވަސްވީ މީހުންގެ ތެރޭގައި އިސްކޮށް ހުންނެވީ، ކަޅުހުރާގޭ މުހަންމަދު ލަތީފު އެވެ. މިހާރުވަނީ، އަވަހާރަވެފައެވެ. އެމަރްހޫމަށް ސުވަރުގެ ދާއިމަށް ދެއްވާށިއެވެ! އާމީން!
މިބޭފުޅުން އެކުވެރިވެ ގުޅިލާމެހި، އަޅުގަނޑުމެން އެކަކު އަނެކަކާ ގުޅުން ބަދަހިވެ ރަހްމަތްތެރިވެ، ކޮންމެ ދުވަހަކުހެން ރާއްޖޭގެ ސިޔާސީ ވާހަކަތައް ދައްކާއި ހެދުމާ އެކަމުގައި ކައިބޮއި ހަދާ ބައްދަލުވެ އަމަލީ ގޮތުން އުޅެން ފެށުނެވެ. މި ޓީމަކީ، ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ ގޮތް ދިރާސާކޮށް މުޖްތަމައުގައި އެއަޑުތައް ފަތުރާއި މަޝްވަރާތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ ހެދި ޒުވާނުންގެ ހިތްވަރުގަދަ ގްރޫޕެވެ.
މީގެ އިތުރުން އަޅުގަނޑު މެން ގެންދިޔައީ ދުވަހުނޫސް ހަވީރަށާއި އޭރުގެ މަޖައްލާތަކަށް ލިޔަމުންނެވެ. އިސްލާމީ އެންމެ މަތީ މަޖިލިސް އިން ނެރެމުންދިޔަ "އަލްމެމްބަރު" މަޖައްލާ އަށް ގަވައިދުން އަޅުގަނޑު ލިޔަމުން ދިޔައިމެވެ. އަދި ހަވީރު ފަދަ ދުވަހު ނޫސްތަކަށް ލިޔުނީމެވެ. ފަހުން މިގްރޫޕުގައި ހިމެނުނު، ޒުވާނުން އިސްކޮށް ތިބެގެން "ސަންގު" އަދި "ހުކުރު" ފަދަ މަޖައްލާތައް ނެރެން ފެށުމުން އެމަޖައްލާ ތަކަށް ވެސް ލިޔަމުން ގެންދެވުނެވެ.
އަދި ސަރުކާރުން ސަންގު މަޖައްލާ ހަވަނަ އަދަދަށް ފަހު ބަންދުކުރުމުން އަމިއްލައަށް "މަންތިރި" ނަމުގައި، ސިޔާސީ މަޖައްލާއެއް ގޮތުގައި މިނިސްޓްރީ އޮފް އިންފޯރމޭޝަން ގައި "ސިޔާސީ މަޖައްލާއެއް" ގެ ނަމުގެދަށުން ރަޖިސްޓްރީކޮށް، ފުތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ މަޖައްލާއެއް ޗާޕުކޮށް ނެރުނީމެވެ. ރާއްޖޭގެ އެއްވެސް ޕްރެސް އަކުން މިމަޖައްލާ ޗާޕުކޮށް ނުދީގެން ޗާޕުކުރީ ސްރީލަންކާގަ އެވެ. އެހެނަސް އެވަރުން ވެސް ނެރެވުނީ އެންމެ އަދަދެކެވެ.

ފަހެ، އެމަޖައްލާ ތަކުގައި ލިޔެވުނު އެފްޕީއައިޑީގެ ކޮރަޕްޝަން ތަކުގެ ވާހަކައާއި އެކަމާ ގުޅިގެން ބަންދުކުރި އިސްފަރާތެއް ދޫނިދޫ ޖަލުގައި ހުރެގެން އޭރުގެ ޑިފެންސް މިނިސްޓަރ އޮނަރަބްލް އިލްޔާސް އިބްރާހީމް އައި ސިއްރުން ވަގަށް ދެއްކެވި، ވާހަކަތަކުގެ ކެސެޓްރޯލް ލީކުކޮށްލި ކަންތަކައި، އަދި މަންރިތި މަޖައްލާގައި އަޅުގަނޑު ލިޔުނު، "ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ މިއޮތްގޮތަށް ތާރީޚު ތެރެއަށް ވަދެ ނިމިގެން ދާނީތޯ؟" މިމަޒްމޫނައި ގުޅުވައިގެން، އެދެ މައްސަލަ ނަގައިގެން ބޮޑު ތުހުމަތުތަކެއް ސަރުކާރުން އީޖާދުކޮށް، އަޅުގަނޑުގެ ބޮލުގާ ދޮގުތުހުމަތު އަޅުވައި ދޫނިދޫ ޖަލަށް ގެންގޮސް ކުޑަގޮޅީގައި ފުރަތަމަ ފަހަރަށް ބަންދު ކުރީ، 1990 ވަނަ އަހަރުއެވެ.
ފަހެ، މިގޮތަށް އޭގެފަހުން ހިނގި ހުރިހާ ސިޔާސީ އިސްކަމެއްގެ ތުހުމަތުގައި އެންމެ ފުރަތަމަ ޖަލަށް ގެންދާ މީހަކަށްވެފައި އޮތީ ސީދާ އަޅުގަނޑެވެ. ބޮޑު ސިޔާސީ ލީޑަރަކަށް އޭރުގެ ސަރުކާރުގެ ކުރިމަތީގައި އަޅުގަނޑު ހަދައިފި އެވެ. އަދި މިބަންދުގެ ކުރިން ދޭތެރެއަކުން މިނިސްޓްރީ އޮފް ޑިފެންސަށް އަޅުގަނޑު އެއްރެއެއްގައި ހާޒިރުކޮށް އޭރު އެމިނިސްޓްރީގެ ދެވަނަ އާއި ތިންވަނަ ކަމުގައިވާ، އަންބަރީ އަބްދުއް ސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު ތިއްބަވައިގެން، އަޅުގަނޑު ކިޔެވި ދުވަސްވަރު އެކިމަޖައްލާ ތަކުގައި ލިޔެފައި ހުރި މަޒުމޫނުތަކާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރެއްވިއެވެ.
އަދި އިންޒާރު ދެއްވާއި ބިރު ދެއްކެވިއެވެ. އެރޭ ދޫކޮށްލީ މިގޮތްގޮތަށް ނުލިޔުމަށާއި މިކަހަލަ އިތުރު ގޯހެއް، އިލްޔާސް ފަރާތުން ނުދެއްކުމަށް އެދި ނަސޭހަތް ދެއްވާފައެވެ. އަޅުގަނޑު މާގިނަ މައްސަލަތަކެއް ނުޖައްސައި އެއާޓީކަލްތައް ލިޔެވުނު ޚިޔާލާއި މަގްސަދު ބުނެދީފައި އެބޭފުޅުންގެ ނަސޭހަތްތައް ގަބޫލުކޮށް، އާދޭހެވެ، ދަންނަވާފައި ނުކުމެގެން ގެއަށް އައީއެވެ.
އާދެ! 1994 ވަނަ އަހަރު ތެރޭގައި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ނަމުގައި ރައީސް ނަޝީދު އާއި ކަޅުހުރާގޭ މުހަންމަދު ލަތީފައި އެކު، ރާއްޖޭގައި މައުލޫދުޕާޓީތައް، އަދި އެހެނިހެން އެފަދަ ޖަމާއަތްތައް ރަޖިސްޓްރީ ކޮށްދީފައިވާ ބީދައިން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގައި އަމަލީ ގޮތުން އުޅެ ގިނަމަސައްކަތް ތަކެއް ކުރީމެވެ. އަސާސީގަވާއިދެއް ޑުރާފްޓުކޮށް ފޯމް ފުރާފައި ހޯމް މިނިސްޓުރީއަށް ހުށަހެޅުނެވެ.
އަދި، 2001 ވަނަ އަހަރު، 42 މީހުންގެ ސޮޔާއެކު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނަމުގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަމަލީ ގޮތުން ކުރީމެވެ. އެފަހަރު އެކަން މަޖިލިސް ތަޅުމުގައި ބަހުސްކޮށްފައި ހުއްދަ ނުދީ ސަރުކާރުން އޮއްބާލައި ނިންމާލީ، ޑޮކްޓަރ މުނައްވަރުގެ އެހީގައި ބޮޑުލަފެއް ނެރެގެންނެވެ.
އަދި މިހާރު ވުޖޫދުގައިވާ އަދި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރި ވަމުންދާ ރާއްޖޭގައި ތާއީދުކުރާ މީހުން އެންމެގިނަ އެއް ސިޔާސީ ޕާޓީ ކަމުގައިވާ، އެމްޑީޕީ ރަޖިސްޓްރީ ކުރުމުގައި ހިންގުނު ހުރިހާ މަސައްކަތެއްގައި ރެއާއިދުވާލު އަވަދިނެތި އެންމެ އިސްކޮށް އުޅުނު އެކަކީ ސީދާ އަޅުގަނޑެވެ. އަދި އެންމެ ފުރަތަމަ ރަސްމީކޮށް ސަރުކާރަށް ހަށަހެޅި އިރު އަސާސީ ތިން މެމްބަރުން ތެރޭގައި ޕާޓީގެ ތިން މުއައްސިސުންގެ ގޮތުގައި ސޮއިކުރި އެކަކީ ސީދާ އަޅުގަނޑެވެ.
އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސް ނިމެންދެން ރަޖިސްޓްރާރ ޖެނެރަލަކަށް ހުރެދީ، އެމްޑީޕީ އޮފީސް ފުރަތަމައިން އުފައްދާއި ހިންގައިދިނީ ވެސް ޚުދު އަޅުގަނޑެވެ. އަދި އެދުވަސް ވަރު ހިންގުނު މިނިވަން ބަހުސްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވީމެވެ.
އާދެ! ކޮންމެއަކަސް، ކިޔެވި އިރުވެސް އަދި ދިވެހި ދައުލަތުގެ ސަރުކާރުގައި ވަޒީފާގައި އުޅުނު އިރުވެސް އަޅުގަނޑަކީ، ދިވެހި މުޖްތަމައު ގައި ސިޔާސީ ހަރަކާތްތެރި އަކަށް ވެއްޖެއެވެ. އެކަމަށް ލާޖެހި، އެސިއްކަ މެއާއި ބުރަކަށީގައި ޖެހިއްޖެއެވެ. މަޝްހޫރު ސިޔާސީ މީހެއްގެ ލަގަބުލިބި ވަރަށް މަޝްހޫރު ވެއްޖެއެވެ. މިކަންކަމާ ގުޅިގެން އޭރުގެ ރައީސްމައުމޫނު ސަރުކާރުން ކަން ހިނގިގޮތުން އަޅުގަނޑާ ދޭތެރޭ ބަލާފައި ވަނީ، "ސިޔާސީ ކޮންމެކަމެއް ފޫޅުކެނޑުމަށް ކަތިލަން ގެންގުޅޭ ސިޔާސީ ކަޅުކަންބަޅި" އަށެވެ.
އާދެ! ޖަލުގައި، 2003 ވަނަ އަހަރު މަރާލެވުނު އީވާން ނަސީމް އައި ގުޅިގެން ދިވެހި މުޖްތަމައުގައި ހިންގި ހުރިހާ ހަމަނުޖެހޭ ކަމެއްހިންގި މީހާގެ ތުހުމަތުގައި އެންމެ ފުރަތަމަ ގެންގޮސް ބަންބުކުރީ ސީދާ އަޅުގަނޑެވެ. އަދި، އޯގަސްޓް 12،13. 2004 ގެ "ކަޅުހުކުރު" ގެ ތަހުގީގުގައި އެންމެ ފުރަތަމަ ގެންދިޔަ މަޖިލިސް މެންބަރުން ތެރޭގައި އަޅުގަނޑު ޖަލަށްލައި ބަންދުކުރިއެވެ. އޭރު އަޅުގަނޑަކީ ވެސް އެމަޖްލީހުގެ އިއްޒަތްތެރި މެމްބަރެކެވެ.
އަދި ކުޑަކުޑަ ޑިވައިސް އެއްގެ ބޭނުން ހިފައިގެން އަޅުގަނޑުގެ ރަސްމީ އޮފީސް، މިނިސްޓްރީ އޮފް އެޓޮލްސް ގެ މޭޒުމަތީގައި ހުންނަ ރަސްމީފޯނު، ބަޔަކު ސިއްރުން އަޑުއަހަމުން ގެންދަނިކޮށް އެކަން ވަނީ ފަޅާއަރާފައެވެ. އެޑިވައިސްގެ ފޮޓޯތައް މިއަދުވެސް ފެންނާން އެބަހުއްޓެވެ.


ފަހެ، މިހުރިހާ ކަމަކާހެދި އަޅުގަނޑުގެ ޒަމީރަށް ބުރަވެ އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރާ ގޮތަކީ، އަހުރެންނަކީ ސިޔާސީމީހެކެވެ. ޅެންވެރިއެއް ނޫނެވެ. އަދި “އަޅުގަނޑު އުފަންވެފައި ވަނީ، ސިޔާސީ މީހެއްގެ ގޮތުގައެވެ.” އެހެންވެ އެވާހަކަ އަޅުގަނޑުގެ ފޭސްބުކްޕޭޖް ގައި ލިޔެފައިވާނީ، (BORN AS A POLITICIAN) މިހެންނެވެ. ގައުމުގެ ކަންކަމުގައި ސިޔާސީ ގޮތުން ފާޑު ކިއުމަކީ، އަޅުގަނޑުގެ ރޫހާއި ފުރާނައިގެ ކާނާއެވެ. އެކަންނުކޮށް ހުރެއްޖެ ނަމަ، ހަށިގަނޑުން ރޫހުގެއްލި ފުރާނަގޮސް ޖިސްމު މަރުވެ ދިޔައީއެވެ.
އާދެ! ރައީސް މައުމޫނު ސަރުކާރު ތެރޭގައި މައުމޫނަށް ފަހު، ވެރިކަންކުރާނެ މީހަކާ މެދު ސިޔާސީ ވާދަ ވެރިކަން ފެށިގެން ހިގައިގަތް އިރު، އެންމެ ވާދަވެރިކޮށް އިސްކޮށް ފެނިގެން ދިޔައީ ރައީސް މައުމޫނުގެ ކޮއްކޮ މިނިސްޓަރ އަބްދުﷲ ހަމީދު އާއި ޅިޔަނު މިނިސްޓަރ އިލްޔާސް އިބްރާހީމް އެވެ.
އަޅުގަނޑު އަމިއްލަ ދިރާސާއަށް ފެނިފައިހުރި ގޮތުގައި އޮނަރަބްލް ހަމީދަކީ، އެންމެމަތީ ގޮނޑިއަށް، ދައުލަތުގެ ވެރިކަމަށް އެރުމަށް ސީދާކޮށް ވިސްނުންފުޅު ގެންގުޅުއްވި ބޭފުޅެއް ނޫނެވެ. އަބަދުވެސް ލޯބިފުޅުވާ ބޭބެ ރައީސް މައުމޫނަށް ލޯތްބާއި ފުލް އިހްތިރާމް ދެއްވި ބޭފުޅެކެވެ. ހުރިހާ ކަމެއްގައި ވެސް އަމިއްލަނަފުސަށް ވުރެ ލޯބިވާ ބޭބެ އިސްކުރެއްވިއެވެ.
ފަހެ، އެބޭފުޅާ އަކީ، ސިޔާސީ ގޮތުން އަޅުގަނޑަށް ވަރަށްގިނަ ފިލާވަޅު ތަކެއް ދެއްވި އުސްތާޒެކެވެ. ގެންގުޅުއްވީ ވަރަށް އަރިހުގައި ކައިރިކޮށެވެ. އަދި ގިނަގުނަ ތަޖުރިބާ ތަކެއް އެމަނިކުފާނު ކިބައިން ކުރެވިފައިވާ، އަދި އަޅުގަނޑަށް ލިބުނު ހެޔޮއެދޭ މުހުތަރަމު މިނިސްޓަރެކެވެ. އަޅުގަނޑުގެ އަންހެނުންނައި ވަރަށް ގާތް ބޭފުޅެކެވެ. އެއީ އޭނާ، ރުކުސާނާގެ އުރުދޫ ބަސް ރަނގަޅަށް އެމަނިކުފާނު ދެނެވަޑައިގަނެ ވާހަކަތައް ބަދަލުކޮށް ހެއްދެވޭތީއެވެ. އަޅުގަނޑަށް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާ އެކި އިޖްތިމާއީ ހަފުލާތަކުގައި އަންހެނުންނަށް އަހުރެން ތަންކޮޅެއް ބާރަށް ބަހެއް ބުންޏަސް ވަގުތުން އެކަން މަނާ ކުރައްވާނެއެވެ. އަދި ހޮން.ހަމީދަކީ އަޅުގަނޑު އެ ކައިވެނި ކުރުމަށް ވަރަށް ބާރު އެޅުއްވި އުސްތާޒެކެވެ. އަދި އެބުރުގައި ޑާކާއަށް ކޯހެއް ދެއްވީ ވެސް ކައިވެނީގެ ވާހަކަ ހަނދާކޮށް ދެއްވާފައެވެ.
އާދެ! އެބޭފުޅާގެ އަމާޒަކަށް ހައްދަވާފައި އޮތީ، އަމަލީގޮތުން ޒުވާން ބަޔަކު ބިނާކޮށް ތަރުބިއްޔަތު ކުރެއްވުމެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާ އައި ހަވާލުވެ ވަޑައިގެން ހުންނެވި އިރު، އެކަމަށް ސީރިއަސް ކޮށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ގުރުއާން ކިޔެވުމާއި ދީނީ މާއްދާތައް ސްކޫލްތަކުގެ މަންހަޖަށް ވެއްދެވިއެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ، އަމިއްލަ ބޭފުޅުން އެމަގުން ގެންދަވައި ތަރުބިއްޔަތު ކުރައްވާފައި ވުމެވެ.
އަދި ގާތްއެކުވެރީންގެ ދަރީންނަށް މަތީތައުލީމު ދިނުމަށް ހެސްކިޔާފަ ބާރު އަޅުއްވައި އެހީތެރިވެ ދެއްވިކަން އަޅުގަނޑަށް އެނގެއެވެ. އޭގެ ތަރޭގައި ސިޔާސީ ގޮތުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިން ގަތުލަކުންކޮށް ލާފައިވާ ޑޮކްޓަރު އަފްރާޝީމް އަލީ ހިމެނެއެވެ. އެއީ އޮނަރަބްލް ހަމީދު ގަދަކަމުން ބާރު އަޅުއްވައިގެން އުފެއްދެވި މި ޒަމާނަށްފެތޭ، ފެންވަރު ހުރި ފިލޯސަފަރެކެވެ. ދީނީ އިލްމުވެރި އެކެވެ. އަޅުގަނޑަށް އަޑުއިވޭ ގޮތަށް ބައެއްފަހަރު، އަލީޒާފިރުބެއާ ދައްކަވާ ވާހަކަތަކުން މިކަން ސާފުވެފައި އޮތީއެވެ.
އާދެ! އެހެނަސް ޅިޔަނު އިލްޔާސް އަކީ، އަބަދުވެސް ތަރައްގީގެ އުމްރާނީ ވެރިކަމެއް ހިންގިދާނެ ކަމުގެ ހުވަފެނުގައި އަބަދުވެސް ފަޚުރުވެރިވެ ހުންނަވައި ގެން، އަމިއްލަ ވިސްނުމުގެ ފެންވަރަށް ގިނަގުނަ މަސައްކަތް ތަކެއް އަތޮޅުތަކަށް ގެނެސްދެއްވި ވަރުގަދަ މަސައްކަތްތެރި ސިޔާސީ ވިސްނުންފުޅެއް ގެންގުޅުއްވި ލީޑަރެކެވެ. އަރިހުގައި ގެންގުޅުއްވީ އިލްމުވެރި ބޭފުޅުންނަށް ވުރެ އޭނާގެ ބަސް އަޑުއަހާއި ގަބޫލުކުރާނެ މަޖާ ނަގާނެ ބައެކެވެ.
ރައީސް މައުމޫނުގެ ޒައާމަތުގައި މިދެފަރާތުގެ ސިޔާސީ ކޯޅުންގަނޑު ވާދަވެރިކޮށް ހިނގަން ފަށައިގަތް އިރު، ރައީސް މައުމޫނުގެ އަނެއްކޮއްކޮ ކަމުގައިވާ މިހާރުގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ، މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ރައީސް މައުމޫނާއި ހަމީދުގެ އެހީފުޅުގައި ބޭރަށް ފޮނުއްވާލައްވާ ފައެވެ.
ފަހެ، އެދުވަސް ވަރަކީ، ރައީސް ޔާމީނުގެ ޗާލާކީ ވިސްނުން އެންމެ ތާޒާކޮށް ދުނިޔޭގެ ސިޔާސަތަށާއި ރާއްޖޭގެ އެކިއެކި ސިޔާސީ ކަންކަމަށް އެންމެ ބޮޑަށް ނަޒަރުކޮށް އެންމެބާރަށް ވިސްނުމާއި ފިކުރުތައް ހިންގެވި ދުވަސްވަރެވެ. މިކަމަށް މަގުފަހިވެފައި ހުރީ ސަރުކާރު ތެރޭގައި އަމަލީ ގޮތުން ހުންނަވާފައި ކިޔަވަން ދާން ޖެހުމުންނެވެ. އަދި އަނބުރާ ވަޑައިގެން ވެސް ސަރުކާރުގެ މަތިފަޑީގައި ހުންނަވާއި ތަޖުރިބާތައް ހޯއްދެވުމެވެ.
އާދެ! ލެބްނާންގެ އެމެރިކަން ބައިރޫތު ޔުނިވަރސިޓީންނާއި އެމެރިކާ ކެލިފޯނިޔާ ސްޓޭޓުގެ ޔުނިވަރސިޓީއަކުން މާސްޓަރސް ޑިގްރީ ހައްދަވައި ނިމިގެން ރާއްޖެއަށް ވަޑައިގަތުމުން، ރައީސް މައުމޫނަށް ޖެހިވަޑައިގަތީ، މަތީ މަގާމުތައް ދެއްވާށެވެ. ވަރަށް އަވަހަށް މިނިސްޓަރުންގެ ފަންތިއަށް ގެންނަވަން ޖެހިވަޑައި ގަތެވެ.
ޔާމީނަކީ އަޅުގަނޑު ދުށްތާނގައި ފާޅުކަމާ އެކު، ސިޔާސީ ކަންކަމުގައި ރައީސް މައުމޫނާ އެކު ޖަދަލު ކުރައްވަން ކެރިވަޑައި ގަންނަވާ، ހުރި ހަމަ އެކަނި އާއިލީބޭފުޅާ އެވެ. އަޅުގަނޑަށް މިތަޖްރިބާ ކުރެވިފައި ވަނީ، އަތޮޅުތަކު ތެރެއަށް ރައީސް މައުމޫނު އަރިހުގައި ދަތުރުކުރި އިރު ކޮންމެ ފަހަރަކު ފަރިއްކުޅުއްވާނީ، އަޅުގަނޑު ހޯއްދަވައި ގެން ގެނެސް އެއްމޭޒަށް އަރުވައި އަރިހުގައި ބައިވެރި ކުރުއްވައި ގެންނެވެ.
އަޅުގަނޑަކީ އެއް އިރެއްގައި ވެސް ބައެއްމީހުންހެން ހުރިހާ އިރެއްގައި ފަހަތުން ދުވެ، އަބަދުވެސް ފެންނަ ހިސާބުގައި މަޑުކޮށް، ފޮޓޯއަށް އަރަން އުޅޭ މީހެއް ނޫނެވެ. މިފަދަ ބައްދަލުވުން ތަކުގައި އަޅުގަނޑަށް ވަނީ، މިތިންބޭންނާ އެކު ބައިވެރިވެވިފައި ކަމުން މިކަން ތަޖުރިބާ ކުރެވިފައި ވަނީ، ވަރަށް ކައިރިން އެއްމޭޒު މަތީންނެވެ. އެކުގައި ދަތުރު ކުރުމަކީ މީހާދަސް ވުމަށް ލިބޭ އެންމެ މަތީ ފުރުސަތާއި ފިލާވަޅެވެ.
ހަމީދާއި އިލްޔާސް މެންނަށް އަދި އެހެން ވަޒީރުންނަށް ވެސް މިފަދަ ވާދަވެރި ކަމުގައި ޖަދަލުކުރުމުގެ ވާހަކަތައް ދައްކަވާކަށް އެއްގޮތަކަށް ވެސް ކެރިވަޑައެއް ނުގަންނަވައެވެ. އެހެނަސް ޔާމީނަށް ކެރިވަޑައި ގަންނަވާތަން ފެނިފައި ވެއެވެ. ރައީސް މައުމޫނާ އެކު ޖޯކުޖައްސަވާއި މަޖާކޮށް ހައްދަވާއި ސަމާސާކޮށް ހަރުއަޑުން ހީހައްދަވައެވެ.
އާދެ! ހަމީދުގެ ބަދަލުގައި އެފަޅިން މައުމޫނަށް ފަހު، ވެރިކަމަށް އެރުމަށް މަސައްކަތް ފެއްޓެވިތަން ފެނިގެންދިޔަ ޒުވާން އިލްމީ، އަދި އިގްތިސާދީ މާހިރެއް ކަމުގައި ގާތް އެކުވެރީންނަށް ބެލެވުނު ޝަޚުސިއްޔަތަކީ، އެ އާއިލާއިން ވަޑައިގެން ހުންނެވި ޒަމާނީ އިލްމުގެ ވެރިޔާ ޔާމީނެވެ. ޔާމީނުގެ މުޅި ދިރިއުޅުން ބިނާކުރެއްވީ މައުމޫނަށް ފަހު، ރާއްޖޭގެ ވެރިކަމަށް އެރުމަށް ރޭވުންތައް އެކިގޮތްގޮތަށް ރޭވުމާއި ޕްލޭންތައް ފަރުމާ ކުރުމުގައެވެ.
ފަހެ، ޔާމީނަކީ، މަރުވުމާ ހަމައަށް އަމިއްލަ ވެރިކަމެއް ދިފާއު ކުރައްވާނެ ހުރިހާ ރޭވުންތަކެއް ރާއްވަވާއި ބިނާ ކުރެއްވެވި، ހަރުކަށި ސިޔާސީ ލީޑަރެއްގެ ގޮތުގައި ދެމި ހުންނާނެ، ފަހަށް ނުޖެހޭނެ ބޭފުޅެއްކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި އެޝަޚްސިއްޔަތަކީ، ޅިޔަނު އިލްޔާސައި ވަރަށްތަފާތު އެހެން މާ ހަރު، މިޒާޖެއްގެ މުޅިން އެހެން ވިސްނުމެއްގެ ބޭފުޅެކެވެ. ރާއްޖޭގައި ތަރައްގީގެ އިގްތިސާދީ ވެރިކަމެއް، ހިންގަވަން ބޭނުންފުޅުވާ އެ ބޮޑާކަމުގެ ފަޚުރު ހަށިގަނޑުގައި އަށަގަނެފައި ހުރި ހިލްމު ލިބިގެންވާ އިލްމީ ބޭކަލެކެވެ.
ރައީސް މައުމޫނާއި ހަމީދުގެ އާއިލާ ފަޅިން ވަޑައިގެން ހުންނެވި ވަރަށް އާދަޔާޚިލާފު ހިތި އުދާސްތަކެއް އެންމެ ޅައިރުން ފެށިގެން އަބަދުވެސް އިހުސާސް ކުރުމުގެ ތެރެއިން ބޮޑުވެ ހިތުޖެހުންތަކާއި އުދާސްތަކާ އެކު އުފާވެރިކަމެއް ގޭތެރެއިން ނުލިބި ބޮޑުވެ، ހިތްވަރު ލިބިފައި ހުރި ކެތްގަދަ ވަރުގަދައަށް ނަފްސު ކޮންޓްލޯލް ކުރަން ދަސްވެފައި ހުރި ޝަޚުސިއްޔަތެކެވެ. އަޅުގަނޑު އޭނާގެ އެސިފަތައް ސިފަކުރާނީ ޖަރުމަނުގެ ވެރިކަންކުރި އެޑޮލްފް ހިޓްލަރުގެ ބައެއް ސިފަތަކާއެވެ.
އާދެ! ސިޔާސީ ނަޒަރަކުން ބަލާއިރު، އޭރުއްސުރެ މައުމޫނަށް ފަހު، ރާއްޖޭގެ ވެރިކަމަށް އެރުމަށް ކުރިޔާލައި ގިނަ އެދުންތަކެއްކޮށް ޕްލޭންތައް ހަދާއި ރާވައި ތައްޔާރުވާން ޔާމީނުވަނީ ވަރަށްދުރާލައި ފައްޓަވާފައެވެ. ރައީސް މައުމޫގެ ދިގު ވެރިކަން ދުއްވާލާނެ ގޮތަކާ މެދު ވެސް ވިސްނަވާނެއޭ ދެންނެވޭކަށް ނެތެވެ.
އެގޮތުން ފާހަގަ ކުރެވޭ ބޮޑު މިސާލަކީ، ބައެއް އެކުވެރީންގެ ދަރީންނަށް އޭނާގެ ވެރިކަމެއްގައި ވަޒީރުންގެ މަޖިލިސް އުފައްދަން ބޭނުންވާ ދުވަހު، ޒަމާނީ ވުޒަރާތަކަށް ލާނެ، ޒުވާނުން ދުރާލައި ބިނާ ކުރުމުގެ ގޮތުން ކިޔަވައި ދިނުމަށް މަސައްކަތް ކުރުއްވާފައި ހުރުމެވެ. އޭގެތެރޭގައި ވަކިޚާއްސަ މާއްދާއެއް ބުނެދީ، އަދި އެމާއްދާއިން ކިޔަވައި ދިނުމަށް އެކުވެރީންނަށް ބުނެދީ ބާރު އަޅުއްވާއި ތަކުރާރުކޮށް އެދިފައި އެބަހުއްޓެވެ. އަދި އެކަން ވަނީ ބައެއް މައިންބަފައިންގެ ނުގަބޫލުގައި ވެސް އަމިއްލަފުޅަށް ޚަރަދު ތަކުގެ މަގުފަހިކޮށް ދެއްވައިގެން ކުރުއްވާފައެވެ.
މިސާލަކަށް ތެލައިބެހޭ ވުޒާރާއަށް ލާނެ ޒުވާން ދިވެހި ހުނަރުވެރި ދަރީން ބިނާ ކުރުމަށް ކެމިކަލް އިންޖިނިއަރިން ރޮނގުން ކިޔަވައި ދިނުން، މީގެ ތެރޭގައި ހިމެނެއެވެ. މިއީ ޔަހޫދީން ފަލަސްތީނަށް ވެރިވެގަންނަން ވެގެން ރޭވި ރޭވުން ތަކުގައި ދުރާލައި ކޮށްފައި ހުރި ކަންކަމެވެ.
އަދި ގިނަގުނަ ވިޔަފާރި ތަކެއް ޒުވާނުން ލައްވައި ދުރާލައި ހިންގުވައި ޔާމީނު ގެންދެވީ، ވެރިކަން ކުރުމަށް މަގުކޮށާއި ޕްލޭނުތައް ފަރުމާ ކުރައްވަމުން ތައްޔާރު ވަމުންނެވެ. މިހާރުވެސް އެތައް ޒުވާނުންނަކާ އެކުގައި އެގުޅުން ދެމި އެބައޮތެވެ. ބަރާބަރަށް އެގުޅުން ބާއްވައެވެ. އެގުޅުން ދަމަހައްޓަވައެވެ. މިއަދު މިފެންނަނީ، އޭރުއްސުރެ ވެރިކަމަށް އެރުމަށް ކުރެއްވި ރޭވުންތެރި ބުރަ މަސައްކަތުގެ ފުރިހަމަ ނަތީޖާއެވެ.
ފަހެ، އަމަލީ މައިދާނުގައި އެރޮނގުތަކުން އޭނާގެ ސިޔާސީ ފިކުރާ ދެކޮޅުވާނެހެން ހީވާ ހުރިހާ ހުރަސްތަކެއް ދުރާލައި ގެންދެވީ، ފަހަތް ބެލުމެއް ނެތި ވަރަށް ކެރިހުންނަވައި ގެން، މޫނަކަށް ބެއްލެވުމެއް ނެތި މަގު ކޮށްޓަވަމުންނެވެ. ހުރަހަކަށް، އަދި ބިރަކަށް ވާނެހެން ހީވާ މީހާއަސް ގެންދެވީ ފިޔަވަޅު އަޅުއްވަމުން ނެވެ.
އަބަދުވެސް މިފަދަ ކަންތައް ރާވައި ހިންގާނެ ކެރޭމީހުން ވަނީ، ޔާމީނުގެ ވިސްނުން ފުޅުން އަރިހަށް ގާތްކޮށް ފައެވެ. ގިނަ އެކުވެރީންނާއި ރަހްމަތްތެރީން ވަނީ ބިނާކޮށް ފައެވެ. އަދި ބޮޑެތި ރަހްމަތް ތެރީންނާއި ޖިގްރީ ދޯސްތުން ގޮތުގައި އެފަދަ މީހުން ހައްދަވާފައި ވެއެވެ. އަދި އެފަދަ ވަފާތެރިންނަށް ވެސް، އެކިއެކި ގޮތްގޮތް ސިޔާސީ ގޮތުން ހައްދަވާ ލައްވަން ކެރޭ މީހެކެވެ. މީގެ މިސާލުތައް ބައިވަރު ފެންނާން އެބަ ހުއްޓެވެ.
ފަހެ، ރައީސް މައުމޫނު އިލްޔާސް ޅިޔަނާ އެކު ޑީލެއް ހައްދަވާފަ ހުކުމެއް އާންމު މަންޒަރަށް ދައްކަވާލެއްވީ، ރީތި ޗާލާކު އޮމާން ކަމެއް ރައްޔިތުންނަށް ދެއްކެވުމަށެވެ. އިލްޔާސް ޅިޔަނު ގައުމުން ބޭރުކޮށްލެއްވީ ވަރަށް ރާއްވަވާފައި އަމިއްލަފުޅު އަރިހުން ދައުލަތުގެ ސަލާމަތީ ބާރާ ހަވާލުވެވަޑައިގެން، އޭރު އިސްކޮށް ހުންނެވި އަންބަރީގެ އެހީތެރިކަމުގައި ދެއްވި ހަމްދަރުދީއާއި މަދަދާއި ހިމާޔަތާ އެކުގައެވެ. ޓިކެޓާއި ބޯޓުހަމަޖައްސަވައި ދެއްވީ އަންބަރީއެވެ.
އެހެނަސް ބައްލަވާށެވެ! ރައީސް ޔާމީނުގެ އަމިއްލަ ވަފާތެރި ކުއްތާގަނޑެއް ހެން ގެންގުޅުއްވި، އަމިއްލަ ނައިބު ރައީސް އަދީބަށް ވެސް ހައްދަވާލެއްވި ގޮތް މިއަދު އެހެރީ މެންދުރު އަލީގައި ފެންނާށެވެ. އެއީ ގައުމާ ޖެހުނީމާ ވާގޮތެވެ. އަޅުއްވަން ޖެހޭ ފިޔަވަޅެވެ.
އާދެ! ދަންނާށެވެ! ޔާމީނު ގެންގުޅުއްވާ މިފަދަ ވަފާތެރިން ނަކީ، ރަނގަޅާއި ނުބައި ކަންކަމުގައި އެއް ޖިސްމެއްފަދަ އެކުވެރީން ނެވެ. ފަސްސަތޭކަ ޕަސަންޓު ގެރެންޓީ ދެއްވާ ބޭފުޅުންނެވެ. މިއަދު ކޮންމެތާކު ބަންދުވެފައި، އަދި އަރުވާލެވި ތާށިވެފައި ކިތަންމެ ދުރުގައި އެފަދަ ބޭފުޅަކު ހުއްޓަސް، އަދި ކޮންމެ އަނިޔާއެއް ދިނަސް އެމީސް މީހުންގެ ހިތުގެ ލޯތްބާއި ކުލުނު ރައީސް ޔާމީނަށް އަބަދު ވެސް އޮންނާނެ އެވެ. މަޖުބޫރުވާނެއެވެ.
އެހެންވާން ޖެހެނީ، އެމީހުންގެ މުޅި ޒިންދަގީ އާއި ދިރިއުޅުން ބިނާކޮށްދީފައި ހުރީ ރައީސްޔާމީނަށް ވާތީއެވެ. ފަހެ، ޖަނަވާރުންނަށް ވެސް މިހެން ވޭނޫންތޯއެވެ. ކިތަންމެ ވަރަކަށް އަނިޔާ ކުރިޔަސް ކާންދީ ބޮޑުކުރި މީހާއަށް ކުލުނު ހުރޭ ނޫންތޯއެވެ! ބައްލަވާށެވެ! ރައީސް ޔާމީނު ވެރިކަމުގައި ގަދަބާރުން ދެމި ހުންނެވިހާ ދުވަހަކު، އަދި ވެސް ބިންވަޅު ނެގިފައި އެމީސްމީހުންގެ ހިތުގައި، ހަމަ އެލޯތްބާއި ކުލުނު އޮންނާނެއެވެ.
ފަހެ، މާއްދީ ލޯތްބަކީ މިއީއެވެ. މިސާލަކަށް ލޮލީޖާބިރު، ޖަނގިޔާ ނާޒިމް، އަދި ޖޭޖޭ މެންފަދަ ބޭފުޅުންނަށް ބައްލަވާށެވެ. އަދި މިހާރު އަލަށް ފެންނަން އެތިބި ޒުވާން ވަޒީރުންތަކަށް ބައްލަވާށެވެ.
އާދެ! ޖާބިރު ސިޔާސީ ގޮތުން ނުވަތަށް އެނބުރި ގޯސްހަދަން އުޅުމުން ހަނދާން ހުންނަވަރުގެ ސިޔާސީލޮޓިއެއް ދެއްވިއެވެ. ރައީސް ވަހީދުއާ ގުޅި، ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ސޮއިކޮށް، ރިޔާސީ ގަނޑުވަރު ތެރެއަށް ސިޓީއުރަ ހިފައިގެން ވަންނަން ފެށުމުން، ހޮނޑައިދޫ ހާދިސާ ފުލުހުންގެ ތެރޭގައި ރާވާލެއްވި މޭސްތިރިއަކީ ހަމަ އެސިކުނޑި އެވެ. އެއްގޮތަކަށް ވެސް ރައީސް ވަހީދެއް ނޫނެވެ. ރައީސް ވަހީދަށް އެކަން އެނގުނީ އެހާދިސާ ހިނގިފަހުން ނެވެ. އެކަން ތަންފީޒު ކޮށްލެއްވީ، ބުނެވޭ ގޮތުގައި ފުލުހުންގެ އިސްވެރިޔާއަށް ނޭންގި ޚާއްސަ ފުލުހުންގެ ބަޔަކު ލައްވައި ހިންގި ސިޔާސީ ކަމެއްގެ ގޮތުގައެވެ.
އާދެ! ދައުލަތުގެ އެންމެ އިސް ވެރިމީހާ ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގުމަކާ ނުލައެވެ. ކުޑަކުއްޖެއްހެން ލޮލީސާހިބު މައިތިރިކޮށް ލެއްވިއެވެ! ބައްލަވާށެވެ! މިހުރީ، ވިސްނާއި ފިކުރުކުރާ ޒުވާނުންނަށް ހުރި އަގުހުރި ގައުމީ ފިލާވަޅުތަކެވެ! އިތުރަށް ދިރާސާ ކުރާށެވެ! ދިވެހި ރާއްޖޭގައި ސިޔާސީ ރޭވުންތައް ހިނގާގޮތް ބައްލަވާށެވެ! ސާފުކުރާށެވެ! އެހެނަސް ޖާބިރަށް ސިޔާސީ ޓާސްކެއް ދެއްވާފައި ރައީސް ނަޝީދު އަރިހަށް އެމްޑީޕީ ތެރެއަށް ފޮނުއްވީ ޔާމީނުގެ އެ ރޭވުންތެރި ސިޔާސީ ހިޔަޅު ބުއްދީންނާއި ފުއްލާ ސްޕީޑުގައެވެ. ސިޔާސީ ރޭވުންތައް ރާވާލާ ގޮތަކީ މިއީއެވެ! ދިރާސާ ކުރައްވާށެވެ!
އަދި ތަންކޮޅެއް ކުރީގެ ރޭވުމެއްގެ ވާހަކައެއް ހަނދާނަށް އަތުވެއްޖެއެވެ. ރައީސް މައުމޫނުގެ ސަރުކާރު ތެރެއިން ލޯބިވާ ބޭބެ ދެކެޒާތީ ރުޅިއާއި ކޯފާ އިސް ކުރައްވައި، އިސްތިއުފާ ދެއްވާފައި ސިންގަޕޫރަށް، 2007 ޖެނުއަރީ ގައި ވަޑައިގެންނެވި ހިސާބުން، ސީދާކޮށް އަންނިއާއި އެމްޑީޕީއާ އެކު ސިޔާސީ ޑީލްތައް ބަންނަވަން ފެއްޓެވިއެވެ. ބޭނުމަކަށް ވަނީ، އެމްޑީޕީއާއި އަންނި ލައްވާ ލޯބިވާބޭބެ، ރައީސް މައުމޫނުގެ ދިގުވެރިކަން ވައްޓާލާއި އަންނި އާއި އެމްޑީޕީ ލައްވައި ދިވެހި ރާއްޖެއަށް ޕާލިމަންޓްރީ ނިޒާމެއް ގެނައުމަށް ތާއީދު ކުރުމެވެ.
އަދި މަޖްލިސް މެމްބަރުންތައް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ފައިސާއިން ގިނަ އެމްޕީން ގަނެލައިގެން އަމިއްލަފުޅަށް، ބޮޑުވަޒީރާއި ރައީސްގެ މަގާމް އުފައްދައި ބަހާލައިގެން، ވެރިކަމަށް އެރުމުގެ މަގު ފަހި ކުރުމެވެ. މި ރޭވުމުގެ ދަށުން ހިންގުނު މަސައްކަތުގެ ނަތީޖާ، 2009 ގެ އާންމު އިންތިޚާބުން ރީއްޗަށް ފެނިފައި ވެއެވެ. ޔާމީނުގެ މި ވިސްނުންފުޅުން ބޮޑު ކާމިޔާބުތަކެއް ހޯއްދެވިއެވެ. އެދައުރުގައި މަޖްލިސް އަށް ޕީއޭ ފިކުރުގެ ޔާމީނަށް ތާއީދު ކުރާ އެމްޕީންތައް ހައްދުންމިން ނާއި ބައެއް އެހެން ހިސާބުތަކުން ފުދޭވަރަށް ހޮވިފައި ތިބޭނެއެވެ.
އެހެނަސް އެންދެރިމާގޭ ފަޅިއަށް މިކަން ރެއަކާލާއި އިހުސާސް ކުރެވިގެން، އެފަޅިން އިލްޔާސް އިސްވެ ހުންނަވައިގެން އެޅުއްވި ފިޔަވަޅުތަކުން ނިޒާމީ ވޯޓުގެ ނަތީޖާ ދެއްކީ، ރައީސް މައުމޫނު ތާއީދު ދެއްވި ވެރިކަމުގެ ނިޒާމަށެވެ. އެއީ ރިޔާސީ ނިޒާމެވެ. ނިޒާމީ ވޯޓުގައި ޔާމީނާއި އަންނިގެ ވިސްނުން ފެއިލްވީ މިހިސާބުންނެވެ.
ފަހެ، ރައީސް މައުމޫނު، 2008 ގައި ބަލިކޮށްލުމާއި ރައީސް ނަޝީދު ވެރިކަމަށް ގެނައުމައި، އަދި، 2012 ގައި ވެރިކަމުގެ ދައުރު ނުނިމެނީސް ވައްޓާލުމާއި ރައީސް ވަހީދު ވެރިކަމަށް ގެނައުމާއި ވައްޓާލުމައި، އަދި، 2013 ގައި ކޯޓު މެދުވެރިކޮށް އަމިއްލަފުޅަށް ވެރިކަމަށް އެރުއްވުން ފަދަ، މި ހުރިހާ ސިޔާސީ ރޭވުމެއްގެ ނަތީޖާއަކީ، ރައީސް ޔާމީނުގެ ވެރިކަމެއް ގައިމުކޮށް ބާރުގަދަ މީހެއްގެ ގޮތުގައި ފެނިގެން ދިއުމެވެ. މިއަދު އެކަން މިއޮތީ ފާޅުގައި ފެންނާށެވެ. މިއަދު މިގޮވާ ހުރިހާ ވާހަކަތަކެއް އޭރުވެސް ސިޔާސީ މީހުން ޔާމީނަށް ގޮވަމުން ދަނިކޮށް އެންމެން ޖަހާލާފައި އެވަނީ ގަދަކަމުން ނަމަ ވެސް ވެރިކަމަށް އަރާއި ރަންގޮނޑިއަށް ސަވާރުވެފައެވެ.
މިވާގޮތެއް އެބަހޯދާއި ވިސްނަން ޖެހޭނޫން ތޯއެވެ! ޒުވާނުން މިވާހަކަތައް ދިރާސާ ކުރާށެވެ! ނިޔަތް ތެދުވެރިކޮށް، އަގީދާ ވަރުގަދަކޮށް މާއްދީ، އަދި ފިކުރީ އޮއިވަރުތަކަށް ނުހެއްލި ގައުމު އިސްކުރާށެވެ! ދެން ވިސްނާށެވެ! އެއަށް ފަހު ރަނގަޅު ހެޔޮމަގަށް ވިސްނާއި މިސްރާބު ޖަހާށެވެ. އެކަކު އަނެކަކަށް ބާޣީއަށް ގޮވުމުން ކުރާނެ އެއްވެސް ގައުމީ ފައިދާއެއް ނެތެވެ. ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، އަމިއްލަ ހެޔޮނިޔަތާ އެކު ލޮބުވެތި ގައުމު އިސްކުރާށެވެ!
އާދެ! ރައީސް މައުމޫގެ އާއިލާ ތެރެއިން މައުމޫނަށް ފަހު، ވެރިކަމަށް އެރުމަށް ބޭނުންވި ދެފަޅިއަކީ، އެންދެރި ކޭމްޕުންނާއި ކާމިނީ ކޭމްޕުންނެވެ. އެއްފަރާތުން އުޅުއްވީ އިލްޔާސެވެ. އަނެއް ފަރާތުން އުޅުއްވީ، ހަމީދު ތަމްސީލްކޮށް ދެއްވި ޔާމީން އަބްދުލް ގައްޔޫމެވެ. ޔާމީނަކީ، ވެރިކަމަށް އެރުމަށް ފުއްލާ ދުވެލީގައި ގީދަޅު ވިސްނުމެއްގައި ވަރަށް ރޭވުންތައް ރާވައި ކާމިޔާބު ހޯއްދެވި ކެރޭ ވަރުގަދަ ސިޔާސީ ލީޑަރެކެވެ.
ފަހެ، މިދެފަރާތުން ވެސް ބެއްލެވީ، ދިވެހި މުޖްތަމައުގައި އެމީހުންނަށް ހުރި އެންމެބޮޑު ހުރަހަކާއި ނުރައްކަލަކީ، އަދި ސިޔާސީ ގޮތުންހުރި ހުރަހަކަށް ޓާގެޓުކޮށް ނިންމާފައި އޮތީ، ޑޮކްޓަރ ވަހީދެވެ. ވަހީދަށް ހުރިހާ ގޮތަކުން ވެސް، 1980 ގެ އަހަރުތަކުން ފެށިގެން ހުރަސް އަޅަމުން ދިޔައެވެ. ސަރުކާރު ތެރެއިންނާއި އެމްޑީޕީ ތެރެއިން ނެވެ.
ފަހެ، އެމްޑީޕީ ތެރެއަށް ކުޅަދާނަ ކަމެއްހުރި ޗާލާކު އިލްމީ، އިބްރާހީމް އިސްމާއީލް (އިބުރާ) އިސްކޮށް ނެރެ ވައްދައިގެން ހިތްވަރުދީ އެހީތެރިވެދީ، ވަހީދަށް ބޮޑު ހުރަހެއް އެޅުއްވެވީ އިލްޔާސް ފަޅިން މަދަދާއި އެހީ ލިބިގެންނެވެ. އިލްޔާސް އަޑީގައި ހުންނަވައިގެންނެވެ. އިބުރާލައްވާއެވެ. އެމްޑީޕީގެ ރައީސް އަކަށް ވަހީދު ނުހޮވި، އިބުރާ ހޮވުމުނު އެދުވަހު ނަތީޖާ އިއުލާނުކުރި ގަޑީގައި ޓީވީ ބައްލަވަން އިންނަވާފައި އިލްޔާސް އިންނެވި ތަނުން ބޭއިޚްތިޔާރުގައި ތެދުވެ ވަޑައިގެންނެވި، އަތްތިލަބަޑި ޖެއްސެވުނު ކަމަށް އެމަންޒަރުދުށް މީހުން ފަހުން ކިޔައިދީފައި އެބަހުއްޓެވެ.
އާދެ! އަޑުއައްސަވާށެވެ! އަދި އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. އަޅުގަނޑު، 2004 ގެ ރައްޔިތުން މަޖިލީހުގެ އާންމު އިންތިޚާބުގައި މާލޭގެ ދެވަނަ ގޮނޑިއަށް އިބުރާއާ އާކު ނެގުމަށް އަންނިއާއި އެމްޑީޕީން ނިންމައި، މާކުރިން އެވާހަކަ ދައްކައި އަޅުގަނޑު ޖަލުގައި ހުރެގެން ސިޓީއާއި ފޯމުތައް މާލޭގޮނޑިއަށް ކުރިމަތިލާން ތައްޔާރުކޮށް ހަދާފައި ވަނިކޮށް، އަދި އެމްޑީޕީން ކެނެރީގެ ތެރެއިން މާލޭ ކެންޕެއިނަށް އޯކޭދީފައި ވަނިކޮށް، ކުއްލިއަކަށް ސިޓީލުމުގެ ފުރުސަތު ގެއްލެން އެންމެ ހަތަރުފަސް ދުވަހަށް ވީތަނާހެން އަޅުގަނޑުގެ ކެންޕޭން މެނޭޖަރު މއ. ތަބައްގޭ މުހަންމަދު ރިލްވާން (ރިލޭ) އާ އިބުރާ ގުޅައިގެން، އޭނާގެ ގެއަށް ގެންގޮސް ވަރަށް ހީލަތްތެރި ވާހަކަތަކެއް ދެއްކިއެވެ. އަދި ނުލަފާ ރޭވުންތަކެއް ރާވާއި މާލޭ ގޮނޑިން އަހަރެންގެ ނަން އދ.އަތޮޅު ގޮނޑިއަށް ބަދަލުކޮށްލީއެވެ.
މަގްސަދަކީ، މާލެއަށް އަޅުގަނޑު ކުރިމަތިލާފައި އޮތް ގޮނޑި އެހެން ދިމާއަކަށް ބަދަލުކޮށް ލުމެވެ. މި ހީލަތްތެރި ސިޔާސީ ރޭވުންގަނޑުގެ މަސައްކަތް ފައްޓާއި ރިލޭ ލައްވާ އެކަން ގަބޫލު ކުރުވިއެވެ. ބޭނުންކުރި އުކުޅަކީ ކެންޕޭން ޚަރަދާއި ރިލޭގެ ދަތުރުތަކާއި ފަންޑިތަ ހެދުމަށް ކުރާ ހުރިހާ ޚަރަދަކައި އިބުރާ ހަވާލުވެ، ކާމިޔާބުކޮށް ދޭނެކަމަށް ވައުދު ވުމެވެ. އެކަމަކު އިލްޔާސްގެ ނަމުގައި އަލަށް ފުރާފޯމްތައް އެންމެފަހުރޭ ޖެހެންދެން ތިމަންނާ އަތުގައި އޮންނަން ޖެހޭނެއެވެ. މީހަކުލައްވާ ކިޔަވާލާ ދުންބުރުވާލާ ހަދަންބޭނުން ވާނެތީއެވެ.
އަދި އިލްޔާސްގެ ކެންޕޭން ހިންގަން ރިލޭއަށް އދ. އަތޮޅުން، މާލެއަށްވުރެ މާފަސޭހަ ވާނެކަމަށާއި ކުރިންވެސް އިލްޔާސާ އެކު ރިލޭވަނީ އެއަތޮޅުގައި ބޮޑު މަސައްކަތެއްކޮށް ތިންވަނައަށް ގެނެސްދީފާވޭ ނޫންހޭ ބުނެދީ ވިސްނައިދިނެވެ. ރިލޭއަށް ފައިސާކޮޅެއް ނޫންހޭ ބޭނުންވާނީ، ރިލޭއަށް ވަރަށް ފަސޭހައިން ކާމިޔާބު އދ.އަތޮޅުން އިލްޔާސަށް ހޯދައިދެވޭނޭ ކިޔައިގެން ސައްލާގެ ހާސަރުތަކެއް ދަމާއި މަންތަރުތަކެއް ހެދިއެވެ.
ފަހެ، ރިލޭ ލައްވައި މީނާ މިކަން ކާމިޔާބުކޮށް ގަޑިހަމަވާ އެންމެފަހުގެ ވަގުތާ ހަމައަށް އދ. އަތޮޅަށް އަލަށްފުރި ފޯމްތައް ހުރީ، އިބުރާ އަތުގައި ފަންޑިތަ އާއި މަންތަރު ކިޔެވުމަށް ހިފާއްޓާފައެވެ. ރިލޭ އަޅުގަނޑަށް ފޯމުތައް ފޮނުވަނީ ޕްރިސަންސް މެދުވެރިކޮށެވެ. ޖަލުގައި ހުރީމާ ރިލޭއައި ވާހަކައެއް ނުދެކެވެއެވެ. މަޝްވަރާއެއް ނުކުރެވެއެވެ. އަޅުގަނޑު ބޭނުންވީ ކުރިން ހަމަޖެހިފައި އޮތް ގޮތަށް މާލެއަށް ކުރިމަތިލާށެވެ. ޖަލުގައި ހުރުމާ އެކު ފަސޭހައިން ހޮވޭނެތީއެވެ. ރިލޭ އޭގެފަހު ދުވަހެއްގައި ފޯމުތައް ބަލާ ބޯގަންވިލާއަށް ދިއުމުން އިބުރާ ބުނިކަމަށް ވަނީ، އަދި ނުނިމޭތީ ބަހައްޓާލާށެވެ. ގިނައިން ކިޔެވެލި ކުޔެވުނު ވަރަކަށް ހޮވުމަށް އެޅޭބާރު ވަރުގަދަވާނެ ކަމަށެވެ.
މިފޯމްތައް ރިލޭއަތަށް ލިބުނީ އިލެކްޝަނަށް ވެއްދުމުގެ މުއްދަތުގެ އެންމެފަހު ގަޑީގައި ގެންގޮސް އެކޮމިޝަނާ ހަވާލުކޮށް ލާށެވެ. އެކަން އެ ކުރީ މާލޭ ދެވަގޮނޑިއަށް އަނެއްކާ ވެސް އަޅުގަނޑުގެ ނަން އަޅުގަނޑު ކުރިން ބުނެފައިފައިވާ ގޮތަށް ރިލޭ ބަދަލުކޮށް ފާނެތީވެ އެކަން ކުރިޔަ ނުދޭށެވެ. އެކަން އަހުރެން ބޭނުންވާ ގޮތަށް ވިޔަ ނުދޭށެވެ.
އިބުރާ ބޭނުންވީ އަޅުގަނޑު މާލޭ ގޮނޑިން ކަޑުވާލާފައި މުހައްމަދު ޝިހާބު އޭނާއާއެކު ނަގާށެވެ. މިއީ އިލްޔާސް އިބްރާހީމް ވެސް ބޭނުންފުޅުވާ ގޮތެވެ. އިބުރާގެ ޔަހޫދީ ރޭވުން ކިހާމޮޅު ނޫންތޯއެވެ!! ފަހެ، އެއީ އަޅުގަނޑު، 3 ވަނަ ފަހަރަށް މަޖްލީހަށް ކުރިމަތިލީ އަދި، 2 ވަނަ ފަހަރަށް، އދ.އަތޮޅަށް ލާން މިރޭވުމުގެ ދަށުން މަޖުބޫރުވެގެން ހަމަޖެހުނު ފަހަރުގެ ވާހަކަ ކަމުގައިވާ، 2004 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ވާހަކައެވެ.
އާދެ! މިއީ ވެސް އެންދެރިމާގޭ އިލްޔާސް ފަޅިން މާލޭގެ ގޮނޑިއަކަށް އަޅުގަނޑު އަޔަނުދިނުމަށް އިބުރާ ލައްވާ ހިންގުވި ސިޔާސީ ރޭވުމެކެވެ. ހަމަ އެކަނި ވަހީދުގެ ޅިޔަނަކަށް ވާތީ ސިޔާސީ ގޮތުން އަޅާ ދަތިކުރުމުގެ ސިޔާސީ ފިޔަވަޅު ތަކެވެ. އަބަދު ވެސް އަޅުގަނޑަކީ، މިދެފަޅިން ސިޔާސީ ދަތިކުރުން އެގޮތްމިގޮތަށް ދިމާވާ މީހެކެވެ.
އަދި މާކުރިން ރައީސްމައުމޫނު އިރުގައި ޚާއްސަމަޖްލީހަށް އެއްވެސް ވާދަކުރުމެއް ނުވާ ދުވަސްވަރު ހުސްވިގޮނޑިއަކަށް އަހުރެން ބޮޑުމަޖްލީހަށް މާލޭން ކުރިމަތި ލުމުން މާފަންބިގުފިޝް ޔޫސުފުރަފީއު ގެންގޮސް އޭނާއަށް ހުތް ލައިދީގެން އަޅުގަނޑާ ވާދަކުރުމަށް ނެރުނީ ވެސް އެނދެރިމާގެ އައްބާހެވެ. މިއީ ސިޔާސީގޮތުން އަހުރެންނަށް ކުރިމަތި ކުރި ހުރަސްތަކެވެ.
އާދެ! އެހިސާބުން އަންނިއާއި އެމްޑީޕީއަށްޓަކައި އިބުރާ އަކީ، އިޚްލާސްތެރިއެއް ނޫންކަން އަޅުގަނޑަށް އޮތީ ޔަގީން ކުރެވި ކަށަވަރު ވެފައެވެ. އަޅުގަނޑު ޖަލުގެ ބަންދުގައި ހުރުމުން ރިލޭއަށް މިކަންކަން ހިނގާދިޔަގޮތް، އޮތީ ކިޔައި ސާފުކޮށް ނުދެވިފައެވެ. އަޅުގަނޑަށް ރިލޭއަށް ދިމާވި މިކަންކަން ސާފުކޮށް ރިލޭ ކިޔައިދިނީ، ޖަލުން ގޭބަންދަށް ގެނައުމުންނެވެ. އޭރު ފޯމްތައް ބަލައިގަނެ ހުރިހާކަމެއް އޮތީ އދ.އަތޮޅަށް ކުރިމަތިލާގޮތަށް ހަމަޖައްސައި ނިމިފައެވެ.
އަދި ކެނެރީގޭތެރޭގައި ހިނގަމުންދިޔަ ކެންޕޭން އޮފީހުން ޓީމެއް ނަގައި ދެފަހަރަކު، އދ. އަތޮޅަށް އޭރު އޮތީ ކެމްޕޭނަށް ގޮސްހަދާފަ އެވެ. މާލޭ ގޮނޑިއަށް އިބުރާއާ އެކު ވާދަކުރުމަށް އިބުރާމެންނެގީ، ބަގީޗާގޭ މުހަންމަދު ޝިހާބެވެ. އެފަހަރު ހޮވުނީ އެޖޯޑެވެ. އދ. އަތޮޅުން ހޮވުނީ، އަބްދުއްރަޝީދު އަލީ އާއި އަބްދުލް މުހްސިނެވެ. ގާސިމެއް ކުރިމަތި ނުލައްވައެވެ. މިއީ ރާއްޖޭގެ ސިޔާސަތުގައި ހިންގާ ހަޑިހުތުރު، މުޑުދާރު ބައިގެ ހަގީގަތްތަކެވެ!
އާދެ! އިލްޔާސް ފަޅިންނާއި ޔާމީނު ފަޅީން ވެސް، ރައީސް ވަހީދު ރާއްޖޭގައި ނުބެހެއްޓުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް ވަރަށް ދުރާލައި ރީތިކޮށް ހަމަޖެހިގެން ތިބެ ސީދާކޮށާއި ނުސީދާކޮށް ރާވާއި އަޅަމުން ތަންފީޒު ކުރަމުން ގެންދިޔައެވެ. ބައްލަވާށެވެ! 1990 ގެ ތެރޭގައި ބިންބިފޯސް ކިޔާ ސިޔާސީ ބާރެއް (ބަޔަކުމީހުން) ސިފައިންގެ މަތީ ވެރިއެއްގެ ގިޔާދަތާއި މަދަދުގައި ރަށުތެރެ ފަސާދަކުރަން ނެރުނެވެ. ވަހީދަށާއި އެލިޔާ އަލީ އަބްދުﷲ ފަދަ އިސް ސިޔާސީ ބޭފުޅުންނަށް އަދި އޭރު އިސްކޮށް ނަގާކިޔަން އުޅުނު އަޅުގަނޑު މެންނަށް ވެސް، މީހާ ނޭނގޭގޮތަށް ލިޔުމުން މަރުގެ އިންޒާރުދީ، އަދި ލަވަތައް ހަދައިގެން ކިޔާ ހެދިއެވެ.

ހުރުމަތް ތެރިވެގެންވާ ދިރިއުޅޭ ގެދޮރު ކައިރިއަށް އައިސް އެއްވެ ތިބެ އަޑުގަދަކޮށް ހަޅޭލަވާ ހެދިއެވެ. ރަށުތެރޭގައި ތަންތަން ރޯކޮށް، އެ ތުހުމަތުގައި އަޅުގަނޑުމެން ސިޔާސީ ގްރޫޕް އެކުގައި ބަންދުކޮށް ޖަލަށްލައި ސުވާލުކޮށް ހެދިއެވެ. ޖަލުގައި ވަގުތީތަންތައް ކުއްލި ގޮތަކަށް އަމީން ކޮންސްޓްރަކްޝަން ލައްވައި ޓިނުންނާއި ލަކުޑިފަތިން ހައްދުވައިގެން، 300 ވަރަކަށް މީހުން އެއްފަހަރާ ޖަލަށް ގެންދިޔައެވެ. އެކިއެކި ސުވާލުތައް ކޮށް އަނިޔާކޮށްގެން ސިޔާސީ ބާރުން ރަށުތެރޭގައި ކުރިހުރިހާ ކަމަކަށް ވަގުބަޔާންތައް އީޖާދުކޮށް ހަދައިގެން މީޑިގައި ސަރުކާރުން ކިޔުވާ ހެދިއެވެ.
ފަހެ، މޭމަތި ޒީނަތްތެރި ކުރާނެ މެޑެލްތައް މިހާރު ގެންގުޅޭ ސިޔާސީ ބޭކަލުންނަށާއި ސިޔާސީ މަސްރަހުން ފޭގައި ފިލާތިބި އެފަދަ ބޭކަލުންނަށް މި ހަގީގަތްތައް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ރާއްޖޭގެ ޑިމޮކްރަސީގައި އަދިވެސް އެފަދަ ރިޓަޔަރޑް އޮފިސަރުން ފޮތްލިޔުމާއި ލިބިފައި ހުރި އިލްމީ ހުނަރުތައް ބޭނުން ކުރުވައި ގެން، ސިޔާސީ ބާރުތަކުން ގައުމު ބަރުބާދު ކުރުމުމަށް ބޭނުންކުރި އުކުޅުތަކާއި ހީލަތްތައް ލިޔެ، އަދި ކިޔަވާ ކުދީންނަށް ކިޔަވަދީ ހަދާ ތަނެއް ނުފެނެއެވެ.
މުޅިން ވެސް ފެންނަނީ، މޭމަތީގައި މެޑަލްތަކުން ޒީނަތްތެރިކޮށް ގެން ޖަލްސާތައް ފަޅުފިލުވައި ދޭ ތަނެވެ. އަނެއްބަޔަކު އަމިއްލައަށް އަރުވާލެވިގެން ލޮބުވެތި ގައުމަށް ފިލާތިބޭ ތަނެވެ. ގައުމީ ލޯތްބެއްގެ ކަންފުޅެއް ވެސް މިއިން މީހެއްގެ ނެތެވެ! ގައުމު އެއްގޮތަކަށް ވެސް ނުފެންނަ ނީއެވެ! ތިމާމެންނަށް ގައުމުން ލިބިފައި ހުރި އިލްމީ ޚަޒާނާގެ ބޭނުންކުރާ ތަނެއް ނުފެނެއެވެ! ފެންނަނީ ވެރިމީހާ ރައްޔިތުންނަށް ކުރާ އަނިޔާތައް ހިމާޔަތް ކޮށްދާޭާތަނެވެ.
އަދި ރައީސް މައުމޫނު ފަޅިން އެމްޑީޕީ ކޮންޓްރޯލުގައި ބޭއްވުމަށް، ބޭނުންވާ ފާލަން އެޅުމަށް ފޮނުއްވި މީހުންގެ ތެރޭގައި އަހްމަދު އައްބާސް އަކާއި އިބްރާހީމް ހުސައިން ޒަކީ (ފަހުން ރައީސް ނަޝީދުގެ އެންވޮއި ސާހިބު) އަކާއި ޑޮކްޓަރު މުނައްވަރެއް ހިމެނެއެވެ. ޖަޑިބު ކަމަނާ މާރިޔާ ދީދީ (ފަހުން އެމްޑީޕީގެ ޑިމޮކްރަސީގެ މަންމަ) ފޮނުއްވީ އިލްޔާސް ފަޅިން ހަމަ އިބުރާ ފޮނުއްވި ބީދައިންނެވެ. ހަމަ އެއްގޮތަ ކަށެވެ. އެއް ބީދައަކުންނެވެ. އެއީ އެފްޕީއައިޑީން ބަޔަކު ވަގަށް ނެގި ފައިސާތަކެއް ހިމާޔަތްކޮށް ބޭނުންކުރަން ފެށުމަށް ބޭނުން ކުރެވުނު ހިކްމަތެކެވެ. ހަރިޔާރެކެވެ.
ފަހެ، މިހުރިހާ ގޮތަކުން ރައީސް ވަހީދަށް ސިޔާސީ ދުއްޕާނާއި ސިޔާސީގޯނާ އިންތިހާއަށް ކުރެވުނެވެ. އެކަމަށް އެއްވެސް ބިރެއް ހުރަހެއް، ފަހަށް ބެލުމެއް ނެތިއެވެ. ނަޝީދު އަރިހުގައި ތިބި ގައުމަށް އިޚްލާސް ތެރި، އެމްޑީޕީ ފިކުރުގެ ހަގީގީ އަހުލު ވެރީން ކަމަށްވާ، ޑިމޮކްރަސީގެ ހަގީގީ ބަތޮލުން ނަށް ޖެހުނީ މިރޭވުންތަކުގެ ސަބަބުން ނުކުޅެދި، ނެތި ބާކީ ވެގެންދާށެވެ. ނަޝީދަށް ވެރިކަން ލިބުމުން އަރިހުގައި ގެންގުޅުއްވީ، މުޅިން އެހެން ބައެކެވެ.
ހިތުތެރޭގައި ގައުމު އަމާޒަކަށް ހަދައިގެން އުޅުނު އަޅުގަނޑުމެން ފަދަ، ސަންދާނު އަހަންމައިދީ، އިބްރާހީމް ލުތުފީ ފަދަ އަދި ވެލްޒިނީމެން ކަހަލަ، ކަހަލަ އެތައް އިޚްލާސްތެރި ކަމުގައި ގައުމީ ކަންކަމުގައި ޖާނުދީގެން އުޅުނު ގައުމީ މީހުން ބާކީ ވެގެން ހިނގައްޖެއެވެ. އަދި ވެސް މީގެ ބައިވަރު ބޭފުޅުން، އެބޭފުޅުން މަޑުން ތިބޭތީ ފާހަގަނުވެ، ފޮރުވިފައި ތިބޭނެކަން ކަށަވަރެވެ. އެތައް ބޭފުޅުންނެކެވެ. ޑިމޮކްރަސީގެ ބަތޮލުންނަކީ އަސްލުގައި ހަގީގީ ފިކުރުގެ މަތީގައި ދެމިތިބި މީހުންނެވެ! އެބަތޮލުންނެވެ! ހައިޖާނު ހަދާ މަތިހަށިނަގައިގެން މިއުޅޭ ބައިގަނޑެއް ނޫނެވެ! އާދެ! އޭރު މިޒާތުގެ މިކަހަލަ ގައުމީ ފިކުރުހުރި ހިންގުންތެރި ޒުވާންގެ ބޮޑުގްރޫޕެއް އަންނި ކައިރީގައި ޖަމާވެފައި ތިއްބެވެ! ވީނުވީއެއް ނޭނގި ރާވައިގެން މަސްރަހުން އެ އެންމެން ގެއްލުވާލީ އެވެ. އަމިއްލަ ފައިދާތަކުގެ ދަހިވެތި ކަމުގައެވެ!
އާދެ! އަންނި ކައިރީގައި އެއް ހަށިގަނޑެއް ހެން ތިބި، އަޅުގަނޑުމެން ފަދަ މީހުން ކައިރީގައި ވެރިކަމަށް އަރާނެ ވާހަކައާއި ވެރިކަން ދެމަހައްޓާނެ ގޮތަކާ ބެހޭ ގޮތުން، އެއްވެސް ކަހަލަ ވާހަކައެއް ޖަލުގައި ވެސް، ދަންވަރު ހޭލައިތިބޭ ގަޑީގައި ވެސް އަދި ބޭރުގައި އުޅޭއިރު ސިއްރުން ނަމަވެސް، ދުވަހަކު ވެސް ވިދާޅުވެފައެއް ނުވެއެވެ. އަބަދުވެސް މަޝްވަރާ ކުރެވެމުން ދިޔައީ އޮމާން އަމާން އިންސާފުވެރި އިންތީޚާބެއް ގައުމަށް ގެނެސްދީ ޕާޓީސިސްޓަމް ތެރެއިން ވެރިކަމުގެ ނިޒާމެއް ގައިމު ކުރުމުގެ ވާހަކަ ތަކެވެ. ވެރިކަން ބަދަލުކޮށް ގައުމު އިސްލާހު ކުރުމުގެ ވާހަކަތަކެވެ. ބޮޑު ޑިމޮކްރަސީއެއްގެ ވާހަކަތަކެވެ.
ޑިމޮކްރަސީގެ ބައްޕަ ކަމަށް ބެލެވުނު އަންނިގެ ބޮލަށް ވެރިކަމުގެ ދަހިވެތިކަން ވައްދައިދީ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް ހިތްވަރު ދިނުމުގައި ރައީސް ޔާމީނުގެ ވިސްނުންފުޅު ވެސް ވާނެކަމަށް ގަބޫލު ކުރެވެއެވެ. ހަގީގަތަކީ ހިނގަމުން މިދަނީ ފިކުރީ ހަނގުރާމައެއް ކަމެވެ. ދެވަނަ ބޮޑު ހަނގުރާމާގައި އިސްލާމީ ދައުލަތް ވައްޓަލީ ވެސް ފިކުރީ ހަނގުރާމަ ހެސްކިޔާފަ ހިންގައި ގެންނެވެ.
ފަހެ، މިދެ ކޭންޕުން ވެސް ސިޔާސީ ގޮތުން ވަހީދުގެ ސިޔާސީ ކެންޕޭނުތައް މުގުރާލުމަށް ބޭނުންކުރި ފުރަތަމަ އަމާޒުފަތް ގަނޑަކަށް ހަދާފައި ވަނީ، ސީދާ އަޅުގަނޑެވެ. އަޅުގަނޑަކީ، ރައީސް ވަހީދުގެ ޅިޔަނަކަށް ވެފައި ކިޔެވި އިރުން ފެށިގެން ސިޔާސީ ކަންކަމުގައި އަޅުގަނޑު އިސްކޮށް އުޅޭތީ މިފަރާތް ތަކަށް ހީވެފައި އޮންނަނީ، ވަހީދު ރާއްޖޭގެ ވެރިކަމަށް ގެނެއުމަށް ސިޔާސީ ރޭވުންތައް ރާވައިގެން ސިޔާސީ ކަންތައް ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ އަޅުގަނޑު ކަމަށެވެ.
އާދެ! އަޅުގަނޑަށް ސިޔާސީ ގޮތުން އަރާފައި ހުރި ހުރިހާ ހަމަލާތަކެއް އަރާފައި ވަނީ ސީދާކޮށް އެގޮތުގެ މަތީންނެވެ. ރައީސް ވަހީދަށް ސިޔާސީ ގޮތުން ހުރަސް އެޅުމުގެ ގޮތުން ފިޔަގަނޑު ބިންދާލި ސިޔާސީ މީހުންގެ ތެރޭގައި އެއްވަނަ ނަންބަރަކީ އަޅުގަނޑެވެ. އެހެންވުމުން މިހާރު އަޅުގަނޑު ސިޔާސީ މައިދާނުންނާއި ރައީސް ޔާމީނުގެ ސަރުކާރު ތެރެއިން ނުފެންނަނީ އެހެންވެއެވެ. އެއީ އަޖައިބެއް ނޫނެވެ. މީޑިއާއިން ވެސް ޖާގަތައް ހުންނަނީ ބްލޮކުކޮށް ހުރަސް އަޅާފައެވެ.
ޓިވީއެމް އަށް އެރުން އޮންނަނީ ޚަލީލެއް ލައްވައި ކުރިންނާއި މިހާރުވެސް އަބަދު ހެން މަނާކޮށް ފައެވެ. ރާއްޖެ ޓިވީއަށް އެރުން އޮންނަނީ އަކުރަމެއް ލައްވައި އިސްބަޔަކު މަނާކޮށްފައެވެ. ވީޓީވީއަށް، އަދި ޗަންޕާ ޓިވީއަށް ނާރުވަނީ، ވިޔަފާރި ވެރީންނަށް މަޖްލިސް ތަޅުމުގައި އެއްޗެހި ގޮވީއޭ ކިޔާފައެވެ! އެތަން އޭރު ހިސާރުކޮށްފައި އޮތީ، އެ ޚަލީލެއް ހުރެގެން މުކައްބަ އަޅާފައެވެ. ހަގީގަތުގަ ގާސިމްގެ ފަރާތަކުންނެއް ނޫނެވެ. ޗަންޕާޓީވީ އަކީ ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓް އެންމެބޮޑަށް ސިޔާސީކުރި ޗެނަލެވެ. ގެނެސްދީފައި ވަނީ އަޅުގަނޑު ބުނަމުންދިޔަ އެއްޗެހި އޮޅުވާލައިގެން ދިމާ އިދިކޮޅަށް ޚަބަރު ހަދައި ގެންނެވެ.
ފަހެ، އަޅުގަނޑުގެ ދިރާސާ އަކީ، ރައީސް މައުމޫނާއި ރައީސް ޔާމީނައި ދެބޭންގެ ސިޔާސީ ވިސްނުމާއި ފިކުރު ވަރަށް ތަފާތު ކަމަށެވެ. އެއީ މުޅިން ދެ ވިސްނުމެއްގެ ތަފާތު ދެ ޝަޚުސިއްޔަތެކެވެ. މައުމޫން ގެންގުޅުއްވަނީ، އެމެރިކާގައި ޑިމޮކްރޭޓުން ގެންގުޅޭ ފިކުރުގެ ސިޔާސަތެވެ. ދުޝްމަނުން ބަލިކުރެވޭނީ ކައިރީގައި ވަޒިފާދީގެން ވަޒީރުންނަށް ދާންދެން ހަދައި ގެންގުޅެ ގެންނެވެ. ބޮޑުގަސް ފަސޭހައިން ކަނޑާ ވައްޓާލެވޭނީ އެމީހުން ލައްވައެވެ. މުސްލިމުން ބަލިކުރެވޭނީ މުސްލިމުން ގާތްކޮށް ހަމަ އެމީހުން ލައްވައި އެހެން މުސްލިމުން މަރައި ގެންނެވެ. އެ އުސޫލެވެ.
ރައީސް ޔާމީނުގެ ހުންނަނީ ޓްރަމްޕް ފަދަ ބައެއް ރިޕަބްލިކަނުންގެ ހަރުކަށި ވިސްނުމުގެ ސިޔާސަތެވެ. ޖެހިޖެހީނުން ނައްތާލާފައި ކުރިޔަށް ދިއުމެވެ. ބޭނުންވާ އިސްލާހު ކުރުމެވެ. ބޮޑުގަސް ހަނގުރާމަކޮށް އަރައިގަނެ އަވަހަށް ކަނޑާ ވައްޓާލާށެވެ. ސީދާކޮށް ބިރު ދައްކައިގެން ނުވިއްޔައި ހަނގުރާމަކޮށް ވެސް ބަލިކޮށް ނައްތާލާށެވެ. މުސްލިމުން ސީދާކޮށް ތަޅާއި މަރާ ހުސްކުރަންވީ އެވެ. ރައީސް ޔާމީނުގެ ޝަޚުޞިއްޔަތަކީ ކާމިޔާބު ޝަޚުޞިއްޔަތެކެވެ. އިލްޔާސް އެހެނެއް ނޫނެވެ. މުޅިން ވެސް ކުޅުއްވަ ދަސްވެފައި ހުތީ ފިލައި ހުންނަވާ ސިއްރުންނެވެ.
އާދެ! މިހާރު އަޅުގަނޑު މިހުރީ ތާޒާކަމާއި ޒުވާން ދުވަސްވަރު ފަހަނައަޅައި ގޮސް އުމުރުގެ ފަހުބަޔަށް އަޅާފައެވެ. އުމުރުން، ފަސްދޮޅަސްފަހެއް އަހަރު ވާން ކައިރިވެއްޖެ އެވެ. އެހެނަސް ސިޔާސީ ވިސްނުމާއި ފިކުރުގައި އަބަދުވެސް ހަމަބުއްދީގައި އަޅުގަނޑުގެ ސިކުނޑި ލެއްވިހާ ހިނދަކު، ހިތުންނާއި ސިކުނޑިން ފުރާނަ ހަށިގަނޑުން ވަކިވެ ނިކުމެގެން ދާންދެން، ގައުމީ އަދި ސިޔާސީ ކަންކަމުގައި ދެމި ހުންނާނަމެވެ. އަޅުގަނޑަކީ ސިޔާސީ މީހެއްކަމަށް އަދިވެސް ގަބޫލުކުރަމު އެވެ. އަބަދުވެސް ގަބޫލުކުރާނަމެވެ. ޒަމީރަށް އަންނަ ވާހަކައެއް ފާޅުގައި ބުނާނަމެވެ. ލިޔާނަމެވެ. ދިވެހިގައުމަށްޓަކައެވެ. ﷲ މިއަޅާ އެމަގުން ކުރިއަށް ގެންދަވާށިއެވެ! ޝަހީދެއްގެ މަގާމު ދެއްވާށިއެވެ!އާމީން!
އަޅުގަނޑުގެ މައްސަލައެއް އޭސީސީއަށް ވައްދައި ފެބްރިކޭޓް ކޮށް ދޮގު ތުހުމަތުތަކެއް އީޖާދުކޮށް، އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އުސްތާޒު އަހުމަދު މުއިޒަށް މަޖްބޫރުކޮށް ގެން ކޯޓަށް ވައްދާއި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި ވަނީ، ސިޔާސީ ގޮތުން މިފަދަ ދަތިތައް ކުރިމަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ތެރެއިން ރޭވިގެން ހިންގި ސިޔާސީ ޖަރީމާއެއްގެ ގޮތުގައެވެ. މުއިއްޒު ވިދާޅުވިއެވެ. މިއީ ސާބިތުކުރެވޭނެ މައްސަލައެއް ނޫނެވެ.
އަޅުގަނޑުގެ ސިޔާސީ ފިޔަގަނޑު ބިންދާލުމަށެވެ. ރާއްޖޭގެ ސިޔާސީ ޖައްވުގައި މިނިވަން ކަމާ އެކު، އުދުހުނަ ނުދޭށެވެ. މިއީ އިންސާނިއްޔަތާއި ޚިލާފު އަމަލެކެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއައި ޚިލާފު ކަމެކެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟
މި އަނިޔާތަކުގެ އެންމެ އަޑީގައި ހުރިއެކަކީ ރައީސް ޔާމީނުގެ އާޭރު އެއްއަތް ކަމުގައިވާ ޖަނގިޔާ ނާޒިމްއައި އޭނާގެ އައުވާނުންނެވެ. ޖަނގިޔާނާޒިމަކީ ބޯޑާ ކޮންޓުރޯލް ސިސްޓަމް ގައިމުކުރުން ހަވާލު ކުރެވުނު ކުންފުނިން ނާޖާއިޒު ފައިދާގަނޑެއް ނެގުމަށް ވާހަކަދެއްކި މީހެއްކަން ފަހުން ސާފުވިއެވެ. ބޭނުންވީ އެކުންފުނީގެ އެހީގައި ދިވެހިރާއްޖޭގައި ކޮމްޕިއުޓާ ވިލެޖެއް ހަދާށެވެ. މަޖްލީހަށް އެ މައްސަލަ ގެންގޮސް ފިއްތައިގެން އަޑިން ގެންދިޔައީ ނެކްބިސް ކުންފުންޏާ ޑީލެއް ހެދޭތޯ ވާހަކަ ދައްކައި ބަލަމުންނެވެ.
އާދެ! އަޅުގަނޑު ދައުލަތުގެ ފައިސާ ގަނޑެއްގައި ދުވަހަކުވެސް ޖެހިފައެއް ނޯންނާނެ އެވެ. އަދި ދުވަހަކުވެސް ހައްގުނޫން ފައިސާ އެއްގައި ހިފާނެ މީހެއް ނޫނެވެ. އަޅުގަނޑަކީ، ރާއްޖޭގެ އަތޮޅުތަކު ތެރެއިން އެކިރަށްރަށުން ލާމަރުކަޒީ އުސޫލުން ހެސްކިޔާފަ ގޯތިތައް ދޫކުރިއިރު ފަސާދަ ހިންގައި ފައިސާނަގަން ނޭގުނު މީހެކެވެ. ފައިސާއެއް ނަގަން ހިތަށް އެރި މީހެއް ވެސް ނޫނެވެ. “އޭނައެއް ރިޝްވަތުގައި ނުހިފާނެއެވެ.” "ރިޝްވަތު ނަގާނެ މީހެއް ނަމަ ގޯތިތައް ދިންއިރު އެކަން ކުރާނެއެވެ" މިއީ މިހާރު ބައެއްމީހުންގެ ފަރާތުން އިވެމުންދާ އަޑެކެވެ.
އަދި މިއީ ބައެއް މީހުން އަޅުގަނޑާ ބެހޭ ގޮތުން ލިޔެފައި އެދުވަސްވަރު ނެރެފައި ހުރި ލިޔުންތަކުގެ ފަހަތަށް، ނުވަތަ ތިރިއަށް ބައެއްމީހުން ކުރަމުން ގެންދާ ކޮމެންޓު ތަކުގައި ބުނެފައި ހުއްޓާ ފެންނަ ބަސްތަކެވެ. އަދި ދުވަހަކު ވެސް އޭނާއަކީ، އެފަދަ ހައްގުނޫން ފައިސާ އެއްގައި ހިފާނެ މީހެއްނޫނޭ ކޮމެންޓުކޮށް ލިޔެފައި ހުއްޓާ ފެނެއެވެ. ސަރުކާރުގެ ޒިންމާދާރު މަގާމެއްގައި ހުރެ، ބަންޑާރަބިމުން ގޯތި ދިނުމަކީ ނާޖާއިޒު ގޮތްތަކުން ފައިސާނެގޭނެ ދޮރެއް އޮންނަ ކަމެއްކަން ފުރަތަމަ ފަހަރަށް، އަޅުގަނޑުގެ ހިތަށް ވަނީ މި ކޮމެންޓްތައް ކިޔުމަށް ފަހުއެވެ. އެދޮރުއެއީ ހުޅުވިފަ އޮންނަ ދޮރާއްޓެއްކަން އަޅުގަނޑު ހިތަށްވަތް ފުރަތަމަ ފަހަރަކީ މިވާހަ އަޑުއިވުނު ދުވަހެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑަކީ، އެފަދަ ފައިސާއެއްގައި ޖެހި ދުވަހަކުވެސް ހިފާނެ މީހެއް ނޫނެވެ. އަދި ނުވެސް ޖެހޭނެ މީހެކެވެ. އެކަހަލަ ބަދެލެއް މުގާބިލުގައި ނަގަން ހިތަށް އަރާވެސް މީހެއް ނޫނެވެ. އަދި އަޅުގަނޑަކީ ދުވަހަކުވެސް އަމިއްލައަށް ވިޔަފާރި ކުރި މީހެއް ނޫނެވެ. ވިޔަފާރި ދަންނަ މީހެއް ވެސް ނޫނެވެ. އޮނަރަބްލް ހަމީދުގެ ބަދަލުގައި ދައުލަތުގެ ބޮޑު ޚަޒާނާ (ބަނޑޭރިގޭގައި ހުރި ފައިސާރައްކާ ކުރާ ކޮޓަރި ތިޖޫރި) ހުޅުވަން ތަޅުދަނޑި ދެއްވާފައި އަޅުގަނޑު ފޮނުވާ ހައްދަވާފައި ވާނީ، ކޮންމެވެސް އިތުބާރެއް އެމަނިކުފާނު ވެސް އަޅުގަނޑަށް ކުރައްވާތީ ނޫންތޯއެވެ.
އާދެ! ޕީޕީއެމް ވެރިކަމަށް އަރަންދެން އަޅުގަނޑަކީ ރައީސް މައުމޫނާ ވަރަށްގާތް އެކަނި ތިބެގެން ޚިޔާލު ގަބަލުކޮށް ހެދި މީހެކެވެ. އެންމެ ބޮޑަށް ބަންދުވެ ސިޔާސީ ކަންކަމުގައި އުޅުނު އިރުވެސް ދިގުކޮށް ބައްދަލު ވުންތައް ރިޔާސީ ގަނޑުވަރު ތީމުގޭގައި ބާއްވަވާއި ގުޅުން ދެމިއޮތް މީހެކެވެ. ޚުދު އެމަކިފާނު ގުޅުއްވައި ވާހަކަ ދެއްކެވި މީހެކެވެ. އަދި މުހިންމު ބައެއް ކަންކަމުގައި ސައިކުރާ ނައީމްފަދަ ބޭފުޅުން ފޮނުއްވައިގެން ވާހަކަ ދައްތައް ކުރިޔަށް ގެންދެވި މީހެކެވެ.
އެހެން އެވަނީ އަޅުގަނޑު ދުށްގޮތުގައި ޚިޔާލު ތަފާތުވިޔަސް ތެދަށް ވާހަކަ ދައްކައި އަމިއްލަ ނިޔަތާއި ގޮތުގައި ތެދުވެރިކޮށް އިޚުލާސްތެރިކޮށް ދެމި ހުންނާތީއެވެ. ކެރިގެން ތެދު ދަންނަވާކަން ފަހުމްވެވަޑައި ގަންނަވާތީއެވެ. މަކަރެއް ހީލަތެއް ފެންނާންނެތީމައެވެ.
އާދެ! ސިޔާސީ މައިދާނަށް އަޅުގަނޑު ނުކުތީ އަޅުގަނޑަކީ ސިޔާސީ ގާބިލުކަން ހުރި މީހެއްކަން ހިތުގެ އަޑިން ދަނެހުރެ ގަބޫލު ކުރާތީއެވެ. ގަބޫލު އެކަނި ކުރާތީއެއް ނޫނެވެ! އަމަލީ ގޮތުން އެކަން ވާނީ، ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީ ދައްކާފައެވެ. އެހެންވެ، އަލިފުދާލު އަތޮޅަށް ފުރަތަމަ ފަހަރަށް، 1999 ގައި ކުރިމަތިލީ ފަހަރު މަޖްލިސަށް ކެންޕޭން ކުރުމުގައި އަޅުގަނޑު ގެންގުޅުނީ، “އަހަންނަކީ ސިޔާސީ މީހެއް – ޅެންވެރިއެއް ނޫން!” މިމޮޓޯއެވެ. މިއީ ޒުވާނުން ވަރަށް ލޯބިކުރި އަދި ތާއީދުދިން މޮޓޯއެކެވެ.

\





އާދެ! އެބުރުގައި ހޮވުނީ، ގާސިމް އާއި ފުލުސްކޯޓު ގާޒީ، އަބްދުއްރަޝީދު އަލީ އެވެ. އެހެނަސް އަޅުގަނޑަށް ފުރަތަމަ ބުރަށް ބަލާފަ ފެންފުށި ކަހަލަ ރަށްރަށުން ގާސިމަށް ވުރެ މަދުވީ އެންމެ، 100 ވަރަކަށް ވޯޓެވެ. ދެވަނާގައި ހިފާއްޓާ ލެވުނެވެ. ދެތިން ރަށަކުން ދެވަނާގައި ހިފާއްޓާލެވުނެ. ކެމްޕެއިންގެ މައިގަނޑަކީ އަޚްލާގެވެ! އޯގާތެރިކަމެވެ! ފައިސާއެއް ނޫނެވެ. އަޅުގަނޑު ކައިހެދި ނޫޑުލްސް އާއި ކަޅުސައެވެ. އެއްވުން ތަކުގައި ވެސް ބޭނުން ކުރި ކާނާއަކީ އެއީއެވެ. ބައެއްގެ ތެރެއަށް އަލަށް ގޮސް މިވަރު ކުރެވުމަކީ، ދިވެހިންގެ އަޚްލާގްގައި ހުރި މާތްކަމެވެ. ރޫހާނިއްޔަތު ހުރި ކަމެވެ! ރޫހާނިއްޔަތާއި އަޚުލާގުގެ މާތްބާރެވެ.
ފުރަތަމަ އަލަށް ރައްޔިތުންގެ މަޖްލިސް އަށް ކުރިމަތިލީ، ތ. އަތޮޅު ގޮނޑިއަކަށެވެ. އޭރުއެއީ ކިޔަވައި ނިމިގެން ރާއްޖެ އައިތާ، 5 ވަނަ އަހަރެވެ. މާމަ އަދި މަންމަ ފަރާތުގެ އާއިލީ މީހުން، އެއަތޮޅުގެ ބޮޑެތި އާއިލާ ތަކުގައި ތިބޭތީއެވެ. އެމީހުންގެ އެދުމާވެސް އެކުގައެވެ. އެހެނަސް ހޮވުނީ، މިނިސްޓަރ ކަމުގައި ހުންނެވި، އޮނަރަބްލް އަބްދުﷲ ޖަމީލް، މ.ދޫރެސް އާއި ވިލުފުށީ ހަސަންއަފީފު، ގ. ބޮޑުގާދޮށުގެ (ޖީސަސް އަފީފް) އެވެ. އަޅުގަނޑާއި ހުސައިންމަނިކު ދޮންމަނިކު ދިޔައީ، 3 ވަނަ އާއި، 4 ވަނަ އަށެވެ.
އެއީ، 1989 ގެ އާންމު އިންތިޚާބެވެ. އަޅުގަނޑު ރައްޔިތުން މަޖްލީހަށް ކުރިމަތިލީ ފުރަތަމަ ފަހަރެވެ. ވިލުފުށީންނާއި މަޑިފުށިން އަޅުގަނޑު ފަޅިއަކީ، ޖީސަސްއަފީފު އާއިލާއެވެ. މިހާރު އެމްޕީ ރިޔާޒުރަޝީދުގެ ބައްޕަ ރަޝީދުބެ އާއިލާއާއި އަފީފުގެ ބައްޕަ ވިލުފުށީ މުދިންބެ އާއިލާ އެވެ. ވަރަށް ފުށޫއެރުމާ އެކުވެސް، މަޑިފުށި، ވިލުފުށި، އޮމަދޫ ފަދަރަށްތަކުން ނެގީ، އަޅުގަނޑާއި އަފީފެވެ. އަޅުގަނޑު ދިޔައީ ތިންވަނަ އަށެވެ.


ފަހެ، ދެން އެއްދައުރު ދޫކޮށްފައި އައި، 1999 ގެ އާންމު އިންތިޚާބުގައި، މަޑިފުށި، ވިލުފުށި، އޮމަދޫ، ކަނޑޫދޫ އާއިލީ މީހުން އެދިގެން އަޅުގަނޑު ނިންމީ، ތ. އަތޮޅަށް ކުރިމަތި ލާށެވެ. އެހެނަސް އަޅުގަނޑުގެ މިނިސްޓަރު ހަމީދަށް އެކަން އެނގިވަޑައި ގަތުމުން ގެއަށް ގެންދަވާފަ ހަވީރު ސަޔަށް ފަހު ވިދާޅުވެދެއްވީ، އެދާއިރާއަށް މިނިސްޓަރުގެ ރަށްޓެހިފުޅު ޙުސައިން މަނިކު ދޮންމަނިކު ހުންނެވުމާ އެކު ޝައިޚް (އަޅުގަނޑު) ބޮޑަށްރަނގަޅު ވާނީ، އދ. އަތޮޅަށް ބަދަލުކޮށް ލާށެވެ.
އދ. އަތޮޅަކީ އޭރު އެއްގޮތަކަށް ވެސް އަޅުގަނޑު ދަންނަތަނެއް ނޫނެވެ. ދިޔަތަނެއް ނޫނެވެ. ބައެއް ކަތީބުން ފިޔަވައި ދުވަހަކު ފެނިދެކިފައި ވެސް ވާބައެއް ދިރިއުޅޭ ހިސާބެއް ނޫނެވެ. އެހެނަސް މިނިސްޓަރު އެހީތެރިވެ ދެންވާނެކަމަށް ވިދާޅުވި އެވެ. ދެން އަޅުގަނޑު އެއްވެސް ދެބަސްވުމެއް ނެތި، ތ. އަތޮޅު ދޫކޮށް، އދ. އަތޮޅަށް ފޯމްތައްލައި އެއަޒުމައިގެން ކުރިޔަށް ދާން ތައްޔާރު ވީއެވެ.
މިއީ އަޅުގަނޑު މަޖްލީހަށް ކުރިމަތިލީ ދެވަނަ ފަހަރެވެ. އަދި، އދ. އަތޮޅަށް ކުރިމަތިލީ ފުރަތަމަ ފަހަރެވެ. މިފަހަރުން ފެށިގެން އަބަދުވެސް އަޅުގަނޑުގެ ސިޔާސީ ކެމްޕޭނު ތަކުގެ މެނޭޖަރުކަން ކޮށްދޭން ފެށީ، މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ އިން ކިޔަވައި، ވަރަށް ތާޒާކޮށް ނިންމާލެއްވި އަޅުގަނޑުގެ ދަރިވަރެއް ކަމުގައިވާ، އަދި މަންތިރި މަޖައްލާ ނެރުމަށް އަޅުގަނޑާ އެކު ހުރިހާ މަސައްކަތެއްގައި ވެސް އުޅެދެއްވި، މުހަންމަދު ރިލްވާން (ރިލޭ) އެވެ. މި އިންތިޚާބަށް ފަހު، އަޅުގަނޑުގެ ކޮންމެ އިންތިޚާބެއް ގައިވެސް މިއަދާ ހަމައަށް ކުރި ހުރިހާ ކެމްޕޭނެއްގެ މެނޭޖަރަކީ ކުޅަދާނަ ރިލޭ އެވެ.
އާދެ! އެއަތޮޅު ހަރުބޭކަލުންގެ ތެރެއިން ގިނަބަޔަކަށް މިނސްޓަރު ހަމީދު ގުޅުއްވާފަ އަޅުގަނޑު ތައާރުފްވެސް ކޮށްދެއްވިއެވެ. އަހެންވެ، އަޅުގަނޑު ރިލޭ އާއެކު އަތޮޅަށް، ދިއުމުން އެބޭބޭކަލުންގެ އެހީތެރިކަމާއި ލޯބި ވަރަށް ފަސޭހައިން ހޯދައިގަނެ ވުނެވެ. އަޅުގަނޑުގެ މިޒާޖާއި ސިފަތައް ވަރަށްބޮޑަށް އެބޭކަލުން ބަލައިގަތެވެ. ޚާއްސަކޮށް އަންހެން ބޭފުޅުންނާ އެކު ވަރަށް ގާތް އެކުވެރިކަމެއް އުފެދުނެވެ. ޓީޗަރުންގެ ތެރެއިން ރައްޓެހި ގްރޫޕެއް އުފެދުނެވެ. ގްރޭޑް ނުވައެއް ދިހައެއްގެ ދަރިވަރުންގެ އެހީތެރިކަން ހެސް ކިޔާފަ ލިބުނެވެ.
ރަށުތެރެއަށް އަޅުގަނޑާއި ރިލޭ ގޮވައިގެން ހިނގާ ގޭގެ ދެއްކުމުގައި ކެމްޕޭން ކަންތަކާ އުޅެދިނީ އެކުދީންނެވެ. އަދި ޒުވާނުންގެ ލޯބި ލިބުނެވެ. އދ. އަތޮޅަށް ހުރިހާ ދަތުރެއްވެސް ކުރީ ރިލޭއާއި ދެމީހުން އެކުގައި އެކަންޏެވެ. މިބުރުގައި އަތޮޅަށާއި އަތޮޅު ތެރެއަށް ދަތުރުކުރުމަށް އަޅުގަނޑުމެން ދެމީހުންނަށް އޮޑިއެއް ފަޅުވެރިންނާ އެކު ހަމަޖައްސައި ދެއްވީ، އަޅުގަނޑައި ތިމާގެ އައްބާސްބެ (އައްބަސް އަބްދުﷲ އެލިޔާ) އެވެ.
އެއީ މުދާ އުފުލާގޮތަށް ގެގަނޑުލާއި ފާޚާނާއާ އެކު ހަދާފައިވާ ބޮޑު އޮޑިއެކެވެ. އަތޮޅަށް ކުރިކޮންމެ ދަތުރެއް ވެސް ކުރީ މި އޮޑީގައެވެ. ބޭނުންވާ ވަރަކަށް ތިޔޮއެޅީ އަޅުގަނޑުގެ ޚަރަދުގައެވެ. އެއްފަޅުގައި ހުންނަ ކައިރީ ރަށްރަށަށް ކުދި އިންޖީނުއެޅި ބޮއްކުރާ ގެންގުޅޭ ބޭބެއިން އަޅުގަނޑުމެން ދެމީހުން އުފުލައިދީ ހެދީ ލޯބިންނެވެ. އަގެއް ކިޔައިގެންނެއް ނޫނެވެ. މިކެންޕޭނަކީ އެއްވެސް ފައިސާއެއް ޚަރަދު ކުރާނެ އަތުގައި ނެތި، ކުލުނާއި ލޯތްބާއި އުފެދުނު ގާތްކަމަކުން ހިންގުނު އާދަޔާޚިލާފު ކެމްޕޭނެކެވެ.
މާތް އަޚްލާގުން ހިންގުން ހިންގުނު ކެމްޕޭނެކެވެ. އަޚުލާގުގެ ބާރު މިދަތުރުން ވަޒަންކުރެވުނެވެ. މިދަރުން އަޚްލާގަކީ ފައިސާއަށް ވުރެ މާވަރުގަދަ ހަތިޔާރެއްކަން ރަގަޅަށް ދަނެގަނެވުނެވެ. އަބަދުވެސް އެކުގައި އުޅޭ އެންމެންނަށް ކެއުމަށް އޮންނަނީ ނޫޑުލްސް އާއި ކަޅުސަޔެވެ. ރައްޓެހިވި އެކި ގޭގެއިން، ނޫޑުލްސް އަށް ބޭނުންވާ ތަކެތި ގަނެދިނީމާ ތައްޔާރުކޮށް ދެނީއެވެ. ރޭގަނޑު ކެއުން ގިނަރޭރޭ ބާއްވަނީ، އެންމެން އެކުގައި ކާލާއި މަޖާކޮށްލާ ހެދުމަށް އެރަށެއްގައި ހުންނަ އެންމެ ގިނަމީހުން ވަންނަ ރެސްޓޯރަންޓެއް ގައެވެ.
އެއީ މުނިފޫހި ފިލުވުމުގެ ގަޑިއެވެ. މިނޫން ޚަރަދެއް ނުހިނގައެވެ. ވީގެއްލުމެއްވީ ފަހުވަގުތުގައި އެހެން ބައެއް ފަރާތްތަކުން ފައިސާ ބައެއް ބޭކަލުންނަށް ދިނުމުން މަޖްބޫރުވެގެން ބައެއް މީހުންނަށް ފައިސާއަށް ވޯޓުލެވުމެވެ. މިގޮތަށް ވޯޓު ލެވިގެން އެހިތާމަ ކުރި މީހުން އަޅުގަނޑުމެން ދެމީހުން ވޯޓަށް ފަހު، ރައްޔިތުންގެ ޝުކުރައިގެން ކުރި ދަތުރުގައި ދިމާވެ އެވާހަކަތައް ދެރަވެ ހިތާމައާ އެކު ކިޔައިދީފައި ވެއެވެ. ފަހެ، މިއީ ރާއްޖޭގައި މިކަންކަން އަދި ހިނގާގޮތެވެ. އޮންނަ އާދަކާދަ އެވެ.
އާދެ! ރައީސް މައުމޫނަށް ފަހު، ކާމިނީފަޅީގައި ދެންހުންނެވި އުސްތާޒަކީ އޮނަރަބްލް އަބްދުﷲހަމީދެވެ. އަޅުގަނގުގެ މިނިސްޓަރު ހަމީދުގެ އިޝާރާތަކަށް، އދ. އަތޮޅުގައި ކެމްޕެއިން ފަށައިގަނެ ނިންމާލެ ވުނީ، ހަގީގަތުގައި ސިޔާސީ ގޮތުން މި ވާނުވާއެއް އަޅުގަނޑަށް ނުވިސްނި ހުރެއެވެ. މާ ފަހުން އަޅުގަނޑަށް ވިސްނުނީ، މިނިސްޓަރު ހަމީދު މިކަން ކުރެއްވީ ގެންގުޅުއްވި ބުއްދިވެރި ސިޔާސީ ވިސްނުން ފުޅެއްގައި، އެންދެރިމާގޭ އިލްޔާސްގެ ދެގޮނޑިން އެއްގޮނޑި އަޅުގަނޑަށް ހޯދައިދިނުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
ހަގީގަތަކަށް ވެގެން މި ދިޔައީ ހުސައިން މަނިކު ދޮންމަނިކުގެ ބަދަލުގައި އަޅުގަނޑަށް ގާސިމާ އެކު، ހަނގުރާމަތައް މިގޮތަށް ކުރަން ޖެހުމެވެ. ވާނުވާއެއް ނޭނގި ކޯޓަށް ވެސް އިންތިޚާބައިގެން އަޅުގަނޑަށް ދެވުމެވެ. ގާސިމާ ދެކޮޅަށެވެ. މިކަމުގައި ދެގޮތުން ވެސް ކާމިޔާބު އޮތީ މިނިސްޓަރަށެވެ. އަޅުގަނޑުގެ ހިތްވަރާއި މަސައްކަތުން އެއްގޮނޑި ހޯދުނު ނަމަ، މިނިސްޓަރަށް ވާހަކަ ދެއްކޭހާ ކައިރިން ގޮނޑިއެއް ލިބުނީއެވެ.
އަނެއް ފައިދާއަކީ ނުހޮވިއްޖެ ނަމަ، ގާސިމާ އެކު އިންސާފު ހޯދުމަށް އަރާރުން ވާނެތީއެވެ. ހައިކޯޓަށް ރިޝަވަތު ބަހާ މައްސަލަ ވައްދައިގެން އެކަމާ އަހުރެން އުޅޭނެތީއެވެ. އެހެނަސް ފަހުން އަޅުގަނޑުގެ ތަބީއަތާއި އަޚްލާގު ގާސިމަށް އެނގިލެއްވި ހިސާބުން އަޅުގަނޑަށް ކަމޭހިއްތަވަން ފައްޓަވައި ރައްޔިތުންގެ ބޮޑުމިޖިސް (ގާނޫނު އަސާސީ ހަދާމަޖްލިސް) އިންތިޚާބު، 2004 ގައި އަޅުގަނޑަށް ނޭންގި އަޅުގަނޑަށް ތާއީދު ދެއްވިކަން ފަހުން އެނގުނެވެ.
އެއީ އަޅުގަނޑު ދަސްވުމުން، ގާސިމް އަޅުގަނޑަށް ދެއްވި އިހްތިރާމެކެވެ. ގަދަރެކެވެ. އަހުރެންވީ ގާސިމަށް ކަމުދާ މީހަކަށެވެ. އެކުގައި މަޖްލިސްގައި އުޅުމުގެ ފުރުސަތު ދެއްވީއެވެ. މިތަނުން ވެސް ދަސްވީ، މާތް އަޚްލާގަކީ ވަރުގަދަ ހިތިޔާރެއް ކަމެވެ. ފަހެ، އިންތިޚާބުގެ މިދުވަސްވަރު އެއްގޮތަކަށް ވެސް ގާސިމެއް ނުދަންނަމެވެ. ވިސްނުން ހުންނަނީ އަބަދުވެސް އިލްޔާސަށެވެ. އެނގޭވަރަކީ ގާސިމަކީ އިލްޔާސް އުފެއްދެވި މަހްޖަނެއް ކަމެވެ.
ކޯޓަށް ދާންޖެހުނީ، މި އިންތިޚާބުގެ ނަތީޖާއާ މެދު އަޅުގަނޑު ހިތްހަމަ ނުޖެހިގެން ނެވެ. ފައިސާ ބެހި ކަމުގެ ހެކިތައް ފާޅުގައި ފެންނަން ހުރީމައެވެ. އެކަމާ ހެދި، އދ. އަތޮޅުގެ ބުރުމާ އާއިލާގެ ބައެއް ދޮށީބޭފުޅުން އަޅުގަނޑާ ވަރަށް ނުރުހުން ފާޅުކުރިއެވެ. އެ އަސަރުތައް މުޅިން ފިލައިގެން ދިޔައީ ފަހުން ގާސިމް އާއެކު ގުޅުން ގައިމުވެ، އެކުގައި އުޅެން ފެށި ހިސާބުންނެވެ.
އދ. އަތޮޅުގެ ދެވަނަފަހަރު ވެސް އަޅުގަނޑު ކެޓީ، ގާސިމު ވެސް ޖަލުން ނުކުންނެވުނު އިރު ހުންނެވީ ވަރަށް ބަލިހާލު ބޮޑުވެފައި ކަމުންނާއި ކެމްޕޭންގައި މުޅިން ވެސް އާއިލީ ބޭފުޅުން އުޅުއްވުމުން، އެބޭފުޅުންގެ ރުޅިގަނޑު އޭރުވެސް މުޅިން މައިތިރި ނުވެ ހުރުމުން ދެވަނައަށް އަޅުގަނޑަށް ވޯޓުދޭން އުނދަގޫ ވުމުންނެވެ.
ފަހެ، އދ. އަތޮޅުގައި އަލަށް ކެމްޕޭން ކުރި އެދުވަސްވަރު އަޅުގަނޑާ މެދު، ގާސިމަށް ބޮޑަށް ހީކުރެއްވިފައި އޮންނަނީ، އަޅުގަނޑަކީ، އަބޫޢަންމާރު ޝައިޚް އިލްޔާސް ހުސައިން އިބްރާހިމް (އަދާލަތު) ކަމަށެވެ. މި އޮޅުން އެކުގައި ފިލައިގެން ދިޔައީ އެއިލްޔާސް ގާސިމާ ތައާރުފު ވުމާ ގުޅިގެންނެވެ.
އާދެ! އަދިވެސް އެދުވަސް ވަރުގެ ރައްޓެހިންނަށް އަޅުގަނޑު ފެނުމުން ގެންގޮސް ކޮފީމޭޒަށް އަރުވާ ހަދައެވެ. ވަރަށް ކުލުނާއި އޯގާތެރި ކަމާ އެކު ބައްދަލު ކުރެއެވެ. އަދި ފަހުން ގާސިމުގެ ލޯތްބާއެކު ބޮޑުމަޖްލީހަށް ވަދެވި އަޅުގަނޑުގެ ދައުރު މަޖިލީހުގެ ތަޅުމުން ދެކެފައި ތިއްބެވި ރާއްޖެތެރޭގެ ބައެއް ބޭފުޅުން، ފެނުނު ދުވަހަކުން ސައިދޭން ނަދުރުބުނެފައި ތިބުމުން، އެނަދުރު ފުއްދާންވެގެން އަޅުގަނޑަށް ސައިދޭތަން ވެސް އާދެއެވެ. ހަމައެކަނި ލޯބިން އަނގައިން ބުނެލާ ހިތުންނެވެ. ވާހަކަ ދައްކާލައި ހަދާލާށެވެ. ލޯތްބަކީ އެއީއެވެ!
ބޮޑުމަޖްލިސްގައި ސައުދާގަރުންގެ ދައުރު:
ސ، ދޭއް: އިލްޔާސް ރައްޔިތުންގެ ބޮޑުމަޖިލީހުގެ، އދ. އަތޮޅުގެ މެމްބަރުކަން، 2004 އިން ފެށިގެން، 2008 އަށް ކުރެއްވީމު އެވެ. އެތަޖްރިބާ ތަކުގެ އަލީގައި އެތާ މަޖިލީހުގައި އޭރުތިއްބެވި ލޯމޭކަރުންނަށް، ރައްޔިތުންގެ ފައިދާއަށް ގާނޫނުތައް ފަރުމާކުރެވި ދާނެތޯ، ނުވަތަ ފަރުމާކުރާ އެގާނޫނުތައް ހުންނަން ވާނީ، އެމެންބަރުން މަޖިލީހަށް ހޮވައިދޭ ވަކިބާރެއްގެ ފައިދާތަކަށް ލިމިޓްކުރެވި ހިސާރުވެފައި ތޯއެވެ؟
ޖ، ދޭއް: ރައްޔިތުންގެ ބޮޑު މަޖިލީހުގައި އަޅުގަނޑު ހޭދަކުރި ދައުރުގެ ތަޖުރިބާއަށް ބަލާފައި އެއްޗެއް ދަންނަވާލަން އެދުމުން، ކުރު ޖުމްލައަކުން ނަމަ ދަންނަވަން ޖެހެނީ، އޭރު ބޮޑު މަޖިލީހުގައި ތިބި މީހުންނަށް ވެސް އަދި މިހާރު ގާނޫނުހަދަން ތިބި މީހުންނަށް ވެސް، ރައްޔިތުންގެ ވިންދައި އެއްގޮތަށް ރައްޔިތުންގެ ފައިދާއަށް ގިނަ ގާނޫނުތައް ފަރުމާ ނުކުރެވޭ ވާހަކައެވެ. އަދި އެއްގޮތަކަށް ވެސް، މެމްބަރުން ގަނެގެން ތަޅުމަށް ގެނެސް ވައްދައިދީފައި އެތިބޭ ބާރުވެރިންގެ އަމިއްލަ ނުފޫޒާއި މަސްލަހަތުތައް އެތަޅުމުގައި ދިފާއު ކުރެވި، ވަކިބަޔަކަށް ފައިދާ ނެގޭ ގޮތަށް ލިމިޓުކުރެވިގެން ނުވާނެއެވެ.
ފަހެ، އެފަދަ ގޮތަކަށް ފަރުމާކުރާ ގާނޫނަކީ، ރައްޔިތުންނަށް ފައިދާއެއް، މަންފާއެއް ކުރާނެ ގާނޫނެއްނޫން ކަން ކަށަވަރެވެ. އަމުދުން މިހާރު މިދުވަސްވަރު ވެސް މިރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގައި އާދައަކަށް ވެފައި މިއޮންނަ ގޮތުން، ފައިސާހުރި ވަކި ނުފޫޒެއްގެ ބާރަކަށް އެ ދާއިރާއެއްގެ، 5000 މީހުންގެ ތެރެއިން ކާމިޔާބު ހޯދޭ އަދަދަށް ވޯޓު ގަނެލައިގެން މެމްބަރަކަށް ފަސޭހައިން އާދެވެއެވެ.
ނާތަހުޒީބު މި އާދަ އެކުގައި ނައްތާލާއި ބަދަލުކޮށް ލައިގެން ނޫނީ، ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަށް ގާނޫނުތަކެއް، އަދި ގާނޫނު އަސާސީއަށް ވިޔަސް، ފަރުމާއެއް ނުކުރެވޭނެ އެވެ. ފަހެ، މިއީ ބަދަލުވާން ޖެހޭ މުޅިން ބާތިލު ހަމައެކެވެ. މިދިޔަ ބޮޑު މަޖިލީހުގައި ސީދާ އަޅުގަނޑަށް މިފަދަ ކަންތައް ވަނީ، އަމަލީގޮތުން ކުރިމަތި ލާންޖެހި ތަޖުރިބާ ކުރެވިފަ އެވެ. ތަޅުމަށް ފައިސާއިން ވޯޓުގަނެގެން ވަދެ ތިއްބެވި ބައެއް ވިޔަފާރި ވެރިންނާއި އެމީހުންގެ މަންދޫބުން ބޭނުންވީ، ރިޒޯޓުތައް ސަތޭކަ އަހަރަށް، ނުވަތަ މުއްދަތެއް ނެތި އަބަދަށް އެބައެއްގެ ދަރިފަސްކޮޅަށް ވާރުތަ ވެގެންދާ ފަދަ މިލްކެއްގެ ގޮތުގައި ބޭއްވުމަށެވެ.
އެހެން ނަމަވެސް ރައްޔިތުންނަށް އިޚްލާސްތެރި ރައްޔިތުންގެ ފައިދާއަށް ވިސްނާ، އަޅުގަނޑުމެން ކަހަލަ، މަދު އެމްޕީންގެ ވިސްނުން ހުރީ، ރައްޔިތުންގެ އެންމެ ހައްގުކަން ބޮޑު މިލްކިއްޔާތު ކަމުގައިވާ ފަޅުރަށްތައް ވަކިބައެއްގެ އަމިއްލަ ފައިދާއަށް އެ އާއިލާގެ ވާރުތައެއްގެ ގޮތަށް މުޅިއުމުރަށާއި މުޅިހަޔާތަށް ނުދިނުމަށެވެ. އެހެނަސް ވަކި މުއްދަތަކަށް، އަޑި އެނގޭ ގޮތަށް ބޮޑަށް ހުޅުވާލައިގެން ކުއްޔަކަށް ދިނުމަށެވެ.
ދިވެހިރާއްޖޭގައި މިއޮންނަ ގޮތަށް ދެތިންހަތަރު ވިޔަފާރި ވެރިއަކު އެރަށްތަކުން ފައިދާ ނެގޭގޮތަށް ނުބޭއްވުމަށެވެ. އެހެނަސް ނުފޫޒު ހުރި ސަރުކާރުގެ ތާއީދު އޮންނަ ބާރުވެރި މަދުބަޔަކު ފައިސާ ޚަރަދުކޮށްގެން އަމިއްލައަށް ވަދެތިބެ، އަދި އެމީހުން ފައިސާ ޚަރަދުކޮށްގެން ވައްދާފައި ތިބި އައުވާނުން ފަދަ އެމްޕީން ތަޅުމުގައި ގިނައިން ތިބުމުގެ ސަބަބުން ގިނަބިލްތައް ނިމިގެން ދަނީ، އެފަދަ ފަރާތްތަކުގެ ފައިދާއާއި މަސްލަހަތު ހިމެނޭ ގޮތަށެވެ.
ފަހެ، މިއިޝޫގައި، ރައްޔިތުންގެ ފައިދާއަށް ވިސްނުންހުރި މަދު އެމްޕީންގެ ސާފު ސަރީހަ ވިސްނުމަކީ، ރައްޔިތުންގެ ފައިދާއައި އެއްގޮތަށް ރައްޔިތުންގެ މިލްކުކަމުގައިވާ ފަޅުރަށްތައް ބިޑުކޮށް ދޫކުރުމަށެވެ. އަދި ފުރަތަމަ ދޫކުރާ ވިއްސަކަށް އަހަރުގެ މުއްދަތު ހަމަވުމުން އަލުން ބިޑަށްލައި ވާދަވެރިކޮށް ދޫކުރެވޭނެ ނިޒާމަކަށް ދިއުމަށެވެ.
އަދި ރައްޔިތުންގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް އެފަދަ ރަށްތަކުން ހިއްސާ ގަނެވޭގޮތަށް ހުޅުވާލާފައި އޮތުމަށެވެ. ނުވަތަ ދިވެހީން މަތީ އަދަދަކަށް މެދުފަންތީގެ ވަޒީފާތަކުގައި ގެންގުޅެފައި މަދު އަދަދަކަށް މެނޭޖުމަންޓުގައި ދިވެހިން ގެންގުޅެފައި ވަކި މުއްދަތެއްގައި ވަޒީފާ އަދާކުރުމުން އެފަދަ ދިވެހީންނަށް ހިއްސާއެއް ދިނުން ފަދަ، ސީދާކޮށް ރައްޔިތުންނަށް ފައިދާ ބެހިގެންދާނެ ނިޒާމަކަށް އެރަށްތައް ދިނުމެވެ. ސަތޭކަ އަހަރަށް ނުވަތަ ވާރުތަ މުދަލެއް ގޮތަށް އެއްބަޔަކަށް އެއް އާއިލާއަށް ފައިދާ ބެހިގެން ދާގޮތަށް ދަންމާލާފައި ނުބޭއްވުމަށެވެ.
ފަހެ، ދަންނާށެވެ! މިނުފޫޒަކީ މަޖިލިސް ތަޅުމުން ކަނޑުވާލަން ޖެހޭ ވިހަގަދަ ޒަހަރެއް ފަދަ ނުފޫޒެކެވެ. ދެތިން ހަތަރު ވިޔަފާރިވެރީން ވެގެން ކޮންޓްރޯލް ކުރާ މަޖިލީހެއް އޮވެގެން ނުވާނެއެވެ. ބަރުލަމާނީ ނިޒާމެއް އަތުވެއްޖެ ނަމަ، އަމުދުން މިއީ ވަރަށްގޯސް ކަމަކަށް ވާނެއެވެ. އަދި ބަރުލަމާނީ ކަހަލަ ވެރިކަމެއް ވެސް އޮވެގެން ނުވާނެއެވެ.
މިސާލަކަށް އިހަކަށް ދުވަހު މަޖިލީހުގެ ތަޅުމުގައި ހިންގި ނުބައި ކަމަކަށް ނަޒަރުކޮށް ލައްވާށެވެ. އެމްޕީ ފައިސަލް ނަސީމް ފަތުރުވެރިންގެ ބިލަށް ރިޒޯޓު މެނޭޖްމަންޓުގައި ދިވެހި މުވައްޒަފުން، ފަންސާސް ޕަސެންޓަށް ބައިތިއްބުމަށް ހުށަހެޅުއްވި އިސްލާހުގެ ބިލް ވެސް ބަލައިލުމެއް ކަހާލުމެއް ނެތި، ތަޅުމުން ބޭރުކޮށްލީ އެވެ. އެއްވެސް ވިސްނާލުމެއް ބަހުސެއް ކުރުމެއް ނެތިއެވެ. އިދިކޮޅަށް ތިބި އެމްޕީންގެ ޚިޔާލުތައް އެންމެ މަދުމިނުން އިއްވާލެވޭނެ ފުރުސަތު ރިޔާސަތުން ނުދެއްވީއެވެ.
ފަހެ، އަޅުގަނޑުގެ ނަޒަރުގައި، މަޖްލިސް ތަޅުމުން ނޭދެވޭ ނާތަހުޒީބުގެ މި ނުފޫޒު ކަނޑުވާލުމަށް އެޅޭނެ އޮތީ ހަމަ އެންމެ ހައްލެކެވެ. ލޮބުވެތި ރައްޔިތުން ކައިރިއަށް، ނަގުދު ފައިސާ ގޯނިގޯނީގަޔާއި ސިޓީއުރަ ތަކުގައި ހިފައިގެން ވޯޓުގަންނަން އައުމުން އެފައިސާގައި ހިފުމަށް ފަހު، ރަނގަޅަށް ވިސްނާފައި ރައްޔިތުންނަށް އެންމެ ވަފާތެރިވާނެ މީހަކަށް ތިމާގެވޯޓު ލުމެވެ. ދޭފައިސާއެއް ވިއްޔާ ހަދިޔާއެއްގެ ގޮތުގައި ހިތުން ނިޔަތްގަނެ ގަބޫލުކުރާނީ އެވެ.
އާދެ! އަދި ފެންނަން މިއޮތް ދިވެހި ސޮސައިޓީ ތަކުގައި ދިއްކޮށްލާ ނަގުދު ފައިސާއެއް ނުހިފައި ދޫކޮށްލަން ކެރޭވަރުގެ އީމާންތެރި އަގީދާ ވަރުގަދަ ރައްޔިތުން ވަރަށް މަދުވާނެއެވެ. ވީމާ އަޅުގަނޑުގެ ބަހަކީ، މިކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަކީ، ސޮސައިޓީ ތަކުގެ ލީޑަރުންނާއި މިސްކިތްތަކުގެ އިމާމުންނާއި އިސްލާމިކް މިނިސްޓްރީގެ މައްޗަށް އިންތިޒާމު ކޮށްގެން ހިންގަންޖެހޭނެ ލާޒިމު ކަމެކެވެ.
އިބްތިދާއި ތައުލީމުގެ ފިލާވަޅުތަކާއި މަންހަޖު ތެރޭގައި ތައުހީދާއި ރޫހާނިއްޔަތާއި ތަހުޒީބު ޑިމޮކްރްސީގެ މިބައިތައް އުގަންނައިދީ، ތެދުވެރިކަމާއި އީމާންތެރިކަން ހިތުތެރޭގައި އިތުރުކޮށް، މާއްދީ ފައިދާތަކަށް ނަފްސުގެޒަމީރު ވިއްކާލުމަކީ، މުޅި ރައްޔިތުންނަށް ވެގެންދާނެ ފޫނުބެދޭ ބޮޑު ގެއްލުމެއް ކަމުގައި ކުޑަ އިރުއްސުރެ ޅަކުއްޖާގެ ޅަފަތުގެ ސިކުނޑިއަށް ވައްދައިދީ ބިންވަޅު ނަގައި ދިނުމަކީ، އަދި ވަކިން ޚާއްސަކޮށް އަޅުގަނޑު މެންނަކީ، ދީނީ މުޖްތަމައަކަށް ވާތީ ވަރަށް ބޭނުންތެރި މުހިންމު ކަމެކެވެ.



Comments