top of page

އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (ފަސްވަނަބައި)

  • Writer: ilyashusein
    ilyashusein
  • Jul 14
  • 32 min read

Updated: Jul 15

*ފަލަސްޠީނަށް ޢިބްރާނީން އެރުން:

*ޢިބްރާނީންގެ ރަސްކަމުގެ ފަހުގެ ތާރީޚް:

*އާޝޫރީންގެ އެރުން:

*ބާބިލީންގެ އެރުން:

*ފާރިސީންގެ އެރުން:

*ޔޫނާނީންގެ އެރުން:

*ނަބަޠީންގެ އެރުން:

*ސަލޫޤީންގެ އެރުން:

*ރޯމަނުންގެ އެރުން:


ފަލަސްޠީނަށް ޢިބްރާނީން އެރުން:


“ރަށުގައި ތިބި މުސްކުޅިންނާއި ކުޑަ ކުދިންނާއި އަންހެނުންނާއި ފިރިހެނުންނާ އެކު، ގެރިބަކަރި ޙިމާރަށް ދާންދެން ކަނޑީގެ މިޔައިން ތަޅާތިރިކޮށް ހަލާކުކޮށް މަރާލިއެވެ. އަދި ރަށުގައި ހުރި ހުރިހާ އެއްޗަކާ އެކުގައި އަލިފާން ރޯކޮށްލިއެވެ. ހަމައެކަނި ރައްބު (ކަލާނގެ) ޚަޒާނާއަށް ޓަކައި ދޫކޮށްލީ ދަނގަޑާއި ލޮއިން ހަދާފައިވާ ތަކެއްޗާއި ރަނާއި ރިއްސެވެ.”


“ޔޫޝަޢު މުޅިބިމުގެ ހުރިހާ ހިސާބަކަށް އަރައި އެތާންގެ ރަސްރަސްކަލުން ނާއި ހަނގުރާމަ ކުރިއެވެ. ފިލާދިއުމަށް ހަމަހިލާ އެކަކުވެސް ދޫކޮށްނުލާ އެންމެންހެން އިސްރާއީލީ މީހުންގެ އިލާހު ކަމުގައިވާ ރައްބުގެ އަމުރުފުޅު ގައިވާ ފަދައިން ނައްތާލިއެވެ. ޤާދިޝް ބަރްނީޢުން ފެށިގެން ޣައްޒާއަށް، އަދި ޖައްޝްގެ ހުރިހާ ބިމަކުން ފެށިގެން، ޖަޢްބޫން އާ ހަމައަށް ޔަޝޫޢު އެތަންތާގައި ތިބި އެންމެން ތަޅާމަރާއި ކަތިލައި ތިރިކޮށް، ސުންނާފަތިކޮށް ލިއެވެ.”


މިއީ ތައްރާތުގެ ޔަޝޫޢު ފޮތުގެ ހަވަނަ ބާބުގެ ބައެއް އާޔަތްތަކުގެ މާނައެވެ. ބައްލަވާށެވެ.


ދަންނައެވެ! މިއީ އެންމެ ފުރަތަމަ ފަލަސްޠީން ބިމަށް އިސްރާއީލް މީހުން ނުވަތަ ޔަހޫދީންގެ ވަނުމެވެ. މިޞުރުން ނުކުމެ ސީނާގެ ސަހަރާގައި ވިއްސިވިހާލި ކަމާ އެކު އުޅެމުން އައިސް މިމީހުން ޖަމާވެ ތިބީ، އަލްބަޙްރުލް މައްޔިތް (DEAD SEA) ގެ އިރުމަތީ ހިސާބުގައެވެ.


ޔޫޝަޢުގެފާނުގެ ކޮމާންޑްގެ ދަށުން އެބިތުންލާފައި ކަންޢާންގެ ބިމަށް އަރައި އެބިމުގެ އަހްލުވެރިން ކަމުގައިވާ ކަންޢާނީންނަށް ޙަމަލާދޭން ފެށީއެވެ. މިބައިމީހުން ފަލަސްޠީނަށް ވަދެ އެބިމުގައި މަޑުން ތިބޭކަށް ބޭނުމެއް ނުވިއެވެ. ޤަޞްދުކުރީ މަތީގައި ގެނެވުނު، ތައްރާތުގެ އާޔަތްތަކުގައި އައިސްފައި އެވާ ފަދައިން، ފަލަސްޠީންގައި އެއްވެސް އިންސާނީ ވަންތަކަމެއް ނެތި، ހަނގުރާމަ ކުރާށެވެ.


ތައްރާތުގެ ގިނަތަންތާގައި އިންސާނީވަންތަ ކަމެއްނެތް މި ވަޙްޝީ ހަނގުރާމައިގެ ވާހަކަތައް ވާރިދުވެފައި ވެއެވެ. އަދި މިހަނގުރާމަ އާ ބެހޭގޮތުން ފަރަންސޭސި އިޖްތިމާޢީ ޢިލްމުގެ މުއައްރިޚެއް ކަމުގައިވާ، ގުސްތޭވްލެބޫން (GUSTAVE LE-BON, 7 MAY 1841 – 13 DEC 1931) ގެ ފޮތެއް ކަމުގައިވާ “ކުރީގެ ޙަޟާރަތްތަކުގެ ތާރީޚުގައި ޔަހޫދީން" މި ފޮތުގައި ވިދާޅުވެފަިވެއެވެ.

 

ޑިކްޓަރު ލެބޫން ފިތުގެ އަރަބި ޓައިޓަލް
ޑިކްޓަރު ލެބޫން ފިތުގެ އަރަބި ޓައިޓަލް

“މިޞްރުގައި ބަނީ އިސްރާއީލުންގެ ބަޔަކު އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދާނެ ގޮތެއް ނެތި، ދަތި ޙާލުގައި ޖެހި، ފަޤީރުވެގެން ދިޔައެވެ. އަދި، އެބިމުގައި އެމީހުން ނިކަމެތި ޙާލުގައި ޖެހި، އުންމީދުތަކުން މަޙްރޫމް ވެގެން ދިޔަދިއުމުގެ ނަތީޖާ އަކަށްވީ، އެ އެންމެން އެއް ޖަމާޢަތަކަށް އެއްކުރުވި ކަމަކަށެވެ. ދެން އެހިނދު އެބައިމީހުން ވެގެންދިޔައީ ހާންތިވެގެން ގޮސް ބަނޑުހައިހޫނު ކަމަށް އިންތިހާއަށް ތެޅިތެޅި ތިބި، މިނިކާވަގުންގެ އައިނެއް، ރަށްތަކާއި އަވަށްތަކައި ކައިރިވުމަށް ދަހިވެތި ކަމައިގެން ދުވަމުންދާ ގޮތަށް ދުވެދާފަދަ ބަޔަކަށެވެ.”


ކަނޑައެޅިގެން މިހަނގުރާމަ ހިނގަންފެށީ ކޮންދުވަސް ވަރެއްގައިކަން ކަނޑައަޅައި ދަންނަވާކަށް އެކަކަށް ވެސް ނޭނގެއެވެ. އެކި މުއައްރިޚުން އެކި ތާރީޚްތައް ގެނެސްދީފައި ވެއެވެ. އެހެނަސް ޕްރޮފިސަރ ރޮބިންސަން ވިދާލުވެފައި ވަނީ، 1400 މކ. ކަމުގައެވެ. ޔަހޫދީ މަޞްދަރުތައް ބުރަވާ ގޮތުގައި މިހަނގުރާމަ ހިނގީ، 1220 މކ. ކަމުގައެވެ.


އަދި ވެސް ގުސްތޭވްލެބޫން އޭނާގެ އެފޮތުގައި ވިދާޅުވެފައި ވެއެވެ.


“ގިނަ އަހަރުތަކެއް ވަންދެން އެ ހަނގުރާމަ ދެމިގެން ދިޔަކަމުގައި ވިޔަސް އެ ހަނގުރާމަ ފުރިހަމައެއް ނުވެއެވެ. ހަމަ އެހެންމެ އިސްރާއީލް މީހުންނަށް، އެބިމުގެ އަޞްލު މީހުންކަމުގައިވާ ކަންޢާނީ ޤަބީލާތައް ބަލިކޮށް އެބިމުން ބޭރުކޮށް ލުމުގައި ކާމިޔާބެއް ނުކުރެވުނެވެ. އެފަދަ ޤަބީލާތައް އެބިމުގައި އެތިބި ގޮތަށް އެބިމުގައި ބާރައިގެން ދެމި ތިއްބެވެ. ޔަހޫދީންނަށް އާޚިރުގަ ޖެހުނީ އެތިބިގޮތަށް ދެމިތިބޭން ދުކޮށްލާށެވެ.


އެހެންވުމާއެކު، މުއާބީންނާއި އައުނީންނާއި އިދޫމީންގެ ރަސްކަންތައް އަމިއްލަ ބާރާ އެކު މުސްތަޤިއްލު ސިފައެއްގައި އެބިމުގައި ޤައިމްވެގެން ތިބީ، ވަރަށް އާންމު ގޮތަކަށެވެ. އެހެނަސް އިސްރާއީލް މީހުންގެ އިއްތިޙާދީ އެކިއެކި ރަސްކަންތަކަށް (ޔަހޫދާ ދައްލަތާއި އިސްރާއީލް ދައްލަތަށް) ޖިޒީ ދައްކަން ޖެހުނެވެ.”


ފަހަރުގައި ޔަހޫދީންނަށް ފަލަސްޠީނުގެ ދަރިކޮޅު ކަންޢާނީންނައި ހަނގުރާމަކޮށް ހިފުނުބައެއް ހިފުމުގައި ކާމިޔާބު ވުމުގެ ސިއްރަކީ، ކަންޢާނީން އެކިބައި ބަޔަށް، އެކިޤަބީލާ ތަކަށް ބެހިފައި ވުންކަމުގައި ގަބޫލު ކުރެވިދާނެއެވެ.


ޔޫޝަޢުގެފާނުގެ ވާހަކަ ގުރްއާނުގައި ނަމުން ނަންގަނެވިފައެއް ނެތެވެ. އެހެނަސް މޫސާގެފާނާއި ބަނީއިސްރާއީލު މީހުންގެ ވާހަކަތައް، އަލްމާއިދާ ސޫރަތުގެ، 23 ވަނަ އާޔަތުގައި ވަޙީކުރެއްވުމުގެ ތެރޭގައި، ﷲ އަށް ތަގުވާވެރިވާ، އަދި ﷲ ގެ އަމުރުފުޅާ ޚީލާފުވުމަށް ބިރުވެތިވާ މީހުންގެތެރޭގައި ހިމެނޭ، ﷲ އެ ދެމީހަކަށް އީމާންކަމާއި ހިތްވަރުގަދަކަމުގެ ނިއުމަތް ދެއްވާފައިވާ ދެމީހުން ބުންޏެވެ. އޭ! ގައުމުގެ މީހުންނޭވެ!


ތިޔަބައިމީހުން އެބައިމީހުން ދެކެ ބިރުގަންނާށެވެ. އަދި އެބައިމީހުންގެ ހަށިގަނޑުގެ ބިޔަކަމަށް ތިޔަބައިމީހުން ޖެހިލުން ނުވާށެވެ. އެހެނީ އެބައިމީހުންގެ ހަށިގަނޑު ބިޔަކަމުގައި ވިޔަސް އެއީ ހިތްތައް ބަލިކަށި ބައެކެވެ. މިހެން، މިގޮތަށް ވިދާޅުވާ ދެމީހުންނަކީ، ފަހެ ޔޫޝައުގެފާނާއި ކާލިބުގެފާނެއެވެ. މިދެބޭކަލުންނަކީ ވެސް ބަނީއިސްރާއީލުގެ، 12 ދަރިކޮޅުގައި ހިމެނޭ ދެބޭކަލުންނެވެ.


މިއީ އެއާޔަތެވެ!


قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ


ފަހެ، އިސްރާއީލް ޔަހޫދީން ފަލަސްޠީނަށް އަރައި ފުރަތަމަ ހިންގި ރަސްކަމުގައި އިސްކޮށް ތިބީ އެބައިމީހުންގެ ތެރެއިން އިސްކުރެވުނު ޤާޟީންނެވެ. އެމީހުންނީ، ޔައުނީ ފަނޑިޔާތުންނާއި ޤާޟީންނަކީ ޤައްމުގެ ރަސްރަސްކަލުން ނެވެ. ޖައްބާރު އަނިޔާވެރި ވެރިންނެވެ. މިރަސްކަމުގެ ދުވަސްވަރު ޔޫޝަޢުގެފާނުން ފެށިގެން، ޞަމްއީލްގެފާނާ ހަމައަށް ދެމި އޮތެވެ. މިދުވަސްވަރަށް ދެވިފައިވާ ނަމަކީ، “ޢަހްދުލްޤުޟާތު” އެވެ. ޖަޖުން ބަނީ އިސްރާއީލް މީހުންގެ ވެރިކަން ހިންގި ދުވަސްވަރަކީ މިއެވެ.


ގަދީމީ އިސްރާއީލު ރަށްތަކުގައި ޖަޖުންގެ ވެރިކަމުގެ ދައުރު ޔޫޝަޢު އިން ފެށިގެން ޞަމްއީލް އާ ހަމައަށް ދެމިގެން ދިޔައެވެ. ހީބުރޫ ބައިބަލްގެ ބުކް އޮފް ޖަޖްސް ގައި ބުނާ ގޮތުން، ބާރަ މީހަކު ޖަޖުންގެ ގޮތުގައި އެކިރަށްތަކުގައި އެކިދުވަސްވަރު ވެރިންގެ ގޮތުގައި މިދައުރުގައި ތިއްބެވިއެވެ.


މިދުވަސްވަރު ގުނިގެންދަނީ ޔަހޫދީ ބައެއް މުއައްރިޚުން ލިޔާގޮތުގައި، 1397 އިން ފެށިގެން، 1024 މކ. އާ ހަމައަށެވެ. މިދުވަސް ވަރުގައި އެބައިމީހުންގެ ތެރޭގައި، ﷲ ފިޔަވައި އެހެންފަރާތް ތަކަށާއި ބުދަށް އަޅުކަން ކުރުން އާންމުވެގެން ދިޔައެވެ. އަދި އެންމެހައި ނުބައި ކަންތައްތަކާއި މުންކަރާތްތައް ޢާއްމުވެ، ޒިނޭކުރުން އެމީހުންގެ ތެރޭގައި ފެތުރިގެން ދިޔައެވެ. ހުރިހާ މުއާމަލާތެއްގައި، ﷲ ނަހީކުރެއްވި ރިބާގެ ބާވަތްތައް ގެންގުޅެ އާންމު ކުރިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ރަނގަޅުޞާލިޙު މީހަކު އުފެދޭ އިރަށް އެމީހެއްގެ ކިބައިން ސަލާމަތް ވުމުގެ ގޮތުން، އެމީހަކު ޤަތުލްކޮށްލައެވެ.


ފަހެ، އެބައިމީހުންގެ މިފާފަތަކާއި ނުކިޔަމަންތެރިކަމާ ހެދި އެބައިމީހުންގެ މައްޗަށް، ﷲ އެކިއެކި ބާރުގަދަ ކަންޢާނީ ރަސްރަސްކަލުންގެ ފަރާތުން ހަނގުރާމަ ކުރުމާއި އުނދަގޫތައް ފޮނުއްވައިގެން، އެބައިމީހުން މުޤައްދަސް ބިމުގައި ޛަލީލް ކުރެއްވިއެވެ. އެރަސްރަސް ކަލުންގެ ތެރޭގައި ކަންޢާންގެ ބޮޑެތި ރަސްރަސް ކަލުން ކަމުގައިވާ ތަލްހަޒޫރް (TEL-HAZOR) ގެ ރަސްގެފާނު ޔާބީން (JABIN) އާއި މުއާބީން (MOABITES) ގެ ރަސްގެފާނު ޙިޖްލޫން (EGLON) އާއި ޝަޢްނާއީމް ފަދަ ރަސްރަސްކަލުން ހިމެނެއެވެ.


ފަހެ، ޔޫޝަޢުގެފާނު މުޤައްދަސް ބިމަށް އެރުއްވި އިރު އެބިމުގައި އުޅެމުން ގެންދިޔަ މަހައްލީ، ރަށްވެހިބަލަދީ ޤަބިލާތައް ޔޫޝަޢުގެ ފާނުގެ ވެރިކަމުގެ ދަށުގައި ތިއްބެވެ. ކަންޢާނީންގެ ބައެއް ޤަބީލާތަކާއި އޭގެ އިތުރުން ޔަހޫދީންނަށް ވުރެ ކުރިން، ފުރާތުކޯރު ހުރަސްކޮށް ފަލަސްޠީންގެ ބިމަށް އައިސް، އަލްނަޤަބް، ނިގިވް (NEGEV) ޝަހަރާއާއި ފަލަސްޠީންގެ އެހެން ސަރަޙައްދު ތަކުގައި ބަދަވީންގެ ގޮތުގައި އުޅެމުން ގެންދިޔަ، ޢިބްރާނީންގެ ޤަބީލާތައް ވެސް، ޔޫޝަޢުގެފާނު ބިންގާ އެޅުއްވި ރަސްކަމުގެ ދަށުގައި އުޅެމުން ގެންދިޔައެވެ.


އެއިރު ބަނީ އިސްރާއީލް މީހުންގެ ޢަދަދަކީ، ގާތްގަނޑަކަށް ދިހަ ވަރަކަށް ހާހެވެ. ބަނީ އިސްރާއީލް ވެރިކަމުގައި ބައިވެރިވި އެހެން ޤަބީލާތަކުގެ މީހުންގެ ޢަދަދުވެސް އެބައިމީހުންނާ ދާދި އެއްވަރެއް ވުމަކީ، ގާތްކަމެކެވެ. އެހެން ކަމުން ޔޫޝަޢުގެފާނުގެ ރަސްކަމަކީ، ހަމައެކަނި ބަނީ އިސްރާއީލް މީހުންގެ ނުވަތަ ޔަހޫދީންގެ ވެރިކަމެއް ކަމުގައި ބުނެ ދަޢްވާ ކުރުމަކީ ޙަޤީޤަތެއް ނޫނެވެ. އޮޅުވާލުމެކެވެ.


އަދި ވެސް ފާހަގަކޮށްލަން ޖެހެއެވެ. ޔޫޝަޢުގެފާނު ފަލަސްޠީނުގައި ވެރިކަމެއް ޤައިމުކުރެއްވީ، ކޮންމެހެން ޔަހޫދީ ބޮޑުދައްލަތެއް އެނަސްލުގެ މީހުންނަށް ބިނާކޮށް ދެއްވުމުގެ މަޤްޞަދުގައެއް ނޫނެވެ. ހަމަކަށަވަރުން އެވެރިކަމަކީ، އެކަލޭގެފާނަށް ތަބާވެ ކިޔަމަންގަނެ، ﷲ އަށް އީމާންވީ އެންމެހާ މުސްލިމުންނަށް ޓަކައި އުފެއްދެވި ރަސްކަމެކެވެ.


އެހެން ވުމާއެކު މިހާރުގެ އިސްތިޢުމާރީ ޒައޮނިސްޓް ޔަހޫދީންނަށް އެވެރިކަމަކީ، ތިމަންމެންގެ ވެރިކަމެކޭ ބުނެ، ދަޢްވާ ކުރުމުގެ އެއްވެސް ފުރުސަތެއް އޮތްކަމަކަށް ޤަބޫލްކޮށްގެން ނުވާނެއެވެ. އެއީ ހުސް ދޮގެވެ. ބޮޑު އޮޅުވާލުމެކެވެ.


މީގެ އިތުރުން ވެސް ފާހަގަކުރެވެއެވެ. ޔޫޝަޢުގެފާނު ޤައިމުކުރެއްވި ރަސްކަން އޮތީ، ފަލަސްޠީންގެ ވަރަށް ކުޑަ ސަރަޙައްދެއް ގައެވެ. ޔޫޝަޢުގެފާނުގެ ރަސްކަން ޤައިމު ކުރެއްވުމަށް ފަހުގައިވެސް ފަލަސްޠީންގެ ބޮޑު ބައެއްގައި އެބިމުގެ ޙަޤީޤީ، އަޞްލު އަހްލުވެރި ވަޒަންވެރިން، އެބިމުން ބޭރުކުރެވި، މުޅި ފަލަސްޠީން އެކުގައި ޔަހޫދީންގެ ބިމަކަށް ހެދިފައެއް ނުވެއެވެ. އެހެންވުމުން މިހާރު އެމީހުން އެކުރާ ދަޢްވާތަކަކީ، މުޅިން ބުހުތާނު ދޮގެވެ. ބޮޑު އޮޅުވާލުމެކެވެ.


އާދެ! ފިލިސްތީން ނަމުންނާއި ފީނީޤީންގެ ނަމުން ނަންދެވުނު ދަރިކޮޅުގެ ރަސްކަންތަކުން ދައްލަތްތައް ގޮތުގައި ވެރިކަން ޤައިމުކޮށްގެން ފަލަސްޠީނުގެ ބިމުގައި ދިރިއުޅެމުން ގެންދިޔައީ ވެސް، ބަނީ އިސްރާއީލް މީހުން ރަސްކަމެއްގެ ބިންގާ އެޅިފަނުންނެވެ. ފިލިސްތީން އޭ ކިޔުނު މީހުން، ފަލަސްޠީނުގެ ބިމަށް އެރީ، ބަނީ އިސްރާއީލު މީހުން އެބިމުގައި ރަސްކަމެއް ޤައިމުކޮށް ކަންޢަނީންނާ އެކު ގަދަޔަށް ހަނގުރާމަ ކުރަމުން ދަނިކޮށް، 1150 ނުވަތަ 1157 މކ. ގައެވެ.


މުޅިން އާބަޔަކު ކަންޢާނުގެ މެދުތެރޭކަނޑުގެ އައްސޭރިއަށް ފައިބައި، އެސަރަޙައްދުގައި އަމިއްލަ މިނިވަން ރަސްކަމެއް އުފެއްދިއެވެ. މިއިން ވެސް އެނގިގެން ދަނީ، ބަނީ އިސްރާއީލް މީހުންގެ ދަޢްވާ އަކީ ގޯސްބުހުތާނެއް ކަމެވެ. އެބިމަކީ އެމީހުންނަށް، ﷲ ވާރުތަކުރެއްވި ބިމެއް ނޫންކަމެވެ.


ފަހެ، ފިލިސްތީނުން ނަކީ، އެއިޖިން ކަނޑުގެ ޖަޒީރާތަކުން ނުކުމެގެން ކަނޑުމަތީގައި އުޅެމުން ގޮސް، އެއައްސޭރި ފަށަށް ފައިބާ ވަޒަންވެރިވި ބައެކެވެ. އަޝްދުދާއި ޢަޝްޤިލާން ފަދަ ޝަހަރުތައް އާބާދު ކުރީ މި މީހުންނެވެ. މި މީހުންނަކީ، ދަނގަޑު ތެޅުމުގެ ހުނަރުވެރިކަން ލިބިފައިވާ، ހަނގުރާމައިގައި ކުޅަދާނަ ބައެކެވެ.


ޖަޖުންގެ ދައުރު އަނިޔާވެރި ގޮތަކަށް ނިމި، ބަނީ އިސްރާއީލު މީހުންގެ ރަސްކަމުގައި ދައްލަތެއްގެ ސިފަޖެހި، ރަސްކަލުންގެ ދައުރެއް ފެށުނީ، ފިލިސްތީނީންގެ ފަރާތުން ކުރިމަތިވެގެން ދިޔަ ޢަސްކަރީ ނުރައްކާތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ބެލެއެވެ!


އާދެ! ޔޫޝަޢުގެފާނަކީ، ޔޫސުފްގެފާނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. މިކަލޭގެފާނަކީ، މޫސާގެފާނު ކަންޢާން ބިމަށް ޖާސޫސުކުރުމަށް ފޮނުއްވި، 12 މީހުންގެ ތެރެއިން އިސް ބޭފުޅެކެވެ. މޫސާގެފާނުގެ އެހީތެރިއެއްގެ ގޮތުގައި ގެންގުޅުއްވި ބޭފުޅެކެވެ. ދުނިޔޭގައި އުޅުއްވިކަމަށް މުއައްރިޚުން ލިޔުއްވާފައި ވަނީ، 1355 އިންފެށިގެން، 1245 މކ. ގައި ކަމަށެވެ.


އަވަހާރަވީ ޢުމުރުފުޅުން، 110 އަހަރުގައެވެ. ފަސްދާނުލެވިފައި ވަނީ، ފަލަސްޠީންގެ ކިފިލްޙާރިސް ޝަހަރުގައެވެ. އެއީ މިހާރުގެ ވެސްޓް ބޭންކްގައި އޮންނަ ރަށެކެވެ. ރަސްމީ ސިފައެއްގައި ޔަހޫދީ ބޮޑެތި ފޮތް ތަކުގައި ލިޔެވިގެން ވަނީ، މި ހަނގުރާމަ ހިނގީ، 1220 މކ. ގައި ކަމަށެވެ.


ބަނީ އިސްރާއީލު މީހުންގެ ކަންތައްތައް މިގޮތަށް ހުރުމުން އެބައިމީހުންނަކީ، ފުރިހަމަ މާނައިގައި ކާމިޔާބާއި ފަތަޙަ ލިބުނު ބަޔަކަށް ނުވެއެވެ. ފަހެ، އެމީހުންނަކީ، ލިބުނު މަދު ކާމިޔާބު ތަކާއި އެކިއެކި ފަހަރުމަތިން ލިބިނު ނަޞްރުތަކާ ބެހޭގޮތުން ޔަހޫދީ ބޮޑެތި މުއައްރިޚުން ލިޔުއްވާފައި ހުރި ވާހަކަތަކުގައި މާކަންތައް ގަނޑު ބޮޑުކޮށްގެން ލިޔެފައި ހުއްޓަސް، ޙައްޤުގޮތަކީ އެމީހުންނަށް ބޮޑުފަތަޙައެއް ނުލިބޭކަމެވެ. ސާފުކޮށް އެނގިވަޑައި ގަންނަވާނެ ފަދައިން ޢިބްރާނީ ޤަބީލާތަކަށް މުޅި ފަލަސްޠީނަށް ވެރިވެއެއް ނުގަނެވެއެވެ. މިއަދާ ހަމައަށް ވެސް އޮތީ ހަމަ އެގޮތަށެވެ.


ހަމަ މިވާހަކަ މިގޮތަށް، ބައިލަލަބޫކު އޭނާގެ ފޮތް ކަމުގައިވާ، “ހަނގުރާމައިގެ ބިން” (އަރްޟުލް މަޢްރިކާ) މިފޮތުގައި ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ ހިބްރޫ ތައްރާތުން ވެސް އެނގޭގޮތުގައި ޔަހޫދީންނަށް ، އެބައިމީހުން ހިތުގައި އޮތް މިންވަރަށް އެބިމަށް ވެރިވެއެއް ނުގަނެ ވޭކަން އެނގެއެވެ.


“ހަމަކަށަވަރުން އަހަރުމެންގެ ބާރުދަށަށް ގެންނަންވާ ގިނަބިންތަކެއް ވެއެވެ.”


ތައްރާތުގެ ޔަޝޫޢު ފޮތުގެ، 13 ވަނަ ފޮތްބައްލަވާ ލައްވާށެވެ.


ފާހަކަކުރަން ޖެހޭ މުހިންމު ކަމަކީ، ކަންމިހެން އޮތުމުން މިހަނގުރާމަ އެއްގޮތަކަށް ވެސް ފުރިހަމައެއް ނުވެއެވެ. ދެމިގެންދާ ހަނގުރާމައެއް ގޮތުގައި މިއަދާ ހަމައަށް ވެސް ދެމި އޮތީއެވެ.


އާދެ! އެއަށް ފަހު، ބަނީ އިސްރާއީލް މީހުންގެ އިސް މީހަކަށް، ފޮނުއްވުނީ ޞަމްއީލް (SAMUEL) ނަބީއެވެ. މުސްލިމުން ކިޔަނީ، شمويل "ޝަމްވީލް" އެވެ. މިއީ ޖަޖުންގެ ދައުރުގެ އެންމެފަހު ޖަޖެވެ. މިކަލޭގެފާނު ކުރެން ބަނީއިސްރާއީލު މީހުން އެދުނީ، އެބައިމީހުންގެ މައްޗަށް ރަސްކަލަކު ލެއްވުމަށެވެ. އޭރުން، ﷲގެ މަގުގައި ޖިހާދު ކުރާނެ ކަމުގައެވެ. ދެންފަހެ، އެބައިމީހުންގެ ނަބިއްޔާ އެބައިމީހުންނަށް ޚަބަރު ދެއްވީ، ޠާލޫޠްއޭ ކިޔުނު ރަސްކަލަކު އެބައިމީހުންގެ މައްޗަށް، ﷲ ފޮނުއްވި ކަމުގައެވެ. މުސްލިމުން ގާތުގައި މިއީ، ޠާލޫޠެވެ.


މިހެން އެމީހުންގެ ނަބިއްޔާ ދެންނެވުމުން، އެމީހުން މުދަލާއި ނަސަބަށް ބަލާ ހަދައި އެކަމާ އިޢްތިރާޟްކޮށް ބުންޏެވެ. ޠާލޫޠްއަށް އަހަރުމެންގެ މައްޗަށް ރަސްކަން ކުރެވޭނީ ކިހިނަކުން ތޯއެވެ؟ އޭނާއަށްވުރެ ބޮޑަށް ރަސްކަމަށް ޙައްޤުވެގެންވަނީ، އަހަރުމެންނެވެ. އެހެނީ އޭނާއަށް މުދަލުގެ ތަނަވަސްކަން ވެސް ލިބިފައެއް ނުވެއެވެ. މިގޮތަށް އެބައިމީހުން، އިންކާރު ކުރިކަމުގައި ވިޔަސް އެބައިމީހުންގެ ނަބިއްޔާ ވިދާޅުވިއެވެ.


އެހެނަސް ކަލޭމެންގެ ރަސްކަލަކަށް ވުމަށް، ކަލޭމެންގެ މައްޗަށް، ﷲ ކަނޑައަޅުއްވާފައި ވަނީ، ޠާލޫޠްއެވެ. އަދި ޠާލޫޠްއަށް އެކަމައި އެކަށޭނަގޮތުގައި، ޢިލްމާއި ހަށިގަނޑާއި ބާރުވެސް ނުހަނު ތަނަވަސް ކުރައްވައި ދެއްވާފައި ވެއެވެ.


އަދި، ކަލޭމެން ދަންނާށެވެ! ﷲ ރުއްސަވައިފި މީހަކަށް ރަސްކަން ވިޔަސް ދެއްވައެވެ. އަދި، ﷲ އީ ނުހަނު ތަނަވަސްކަން ދެއްވައި ހުރިހާކަމެއް ދެނެވޮޑިގެންވާ، ﷲ އެވެ.


ގުރްއާނުގެ ބަޤަރާސޫރަތުގެ، 246 ވަނަ އާޔަތުގައި، ﷲ މިވާހަކައަށް އިޝާރާތް ކުރައްވާފައިވެއެވެ.


أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ


"އިސްރާއީލުގެ ދަރިންގެ ތެރެއިން، މޫސާގެފާނަށްފަހުން އުޅުނު ޖަމާޢަތެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟު ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ ޙާލު، اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ ފަރުޟު ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."


އާދެ! ޞަމްވީލް ބަނީ އިސްރާއީލް މީހުންގެ ލީޑަރަކަށް ހޮއްވެވީ، ޝާއޫލް (SAUL, 1082 – 1010 BC) އެވެ. މިއީ މުސްލިމުން ކިޔާގޮތުގައި ޠާލޫތް އެވެ. ފަހެ، ޠާލޫތް އެ ބައިމީހުންގެ ރަސްކަލަކަށްވެ އެބައިމީހުން، ﷲގެ މަގުގައި ޖިހާދުކުރުމަށް ގޮވާލުމުން، އެބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، ނުނިކުމެއެވެ. ޠާލޫތް ރަސްގެފާނާ އެކު ނުކުތް މަދު މީސްކޮޅަށް، ﷲ ނަޞްރު ދެއްވާއި ފަތަޙަ ދެއްވީއެވެ.


ނަބީ ޞަމްއީލް އާއި ޠާލޫތުގެ ވާހަކަ ގުރްއާނުގައި ވަނީ މިފަދައިންނެވެ. އަލްބަޤަރާ ސޫރަތުގެ، 247 އާޔަތް ބައްލަވާށެވެ.


وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ۚ قَالَ إِنَّ اللَّهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ


"އަދި، އެމީހުންގެ ނަބިއްޔާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، الله ތިޔަބައި މީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެމީހުން ދެންނެވިއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން ޙައްޤުކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުން ތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއް ވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ ޚިޔާރުކުރެއްވިއެވެ. އަދި، އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."


އެބައި ީހުންގެ ރަސްކަލެއް ކަމުގައިވާ ޠާލޫތު އެބައިމީހުންނަށް، ﷲ ޚިޔާރުކުރެއްވިކަން ސާބިތުކޮށްދޭ ދަލީލާއިހެއްކަކީ ކޮބައިތޯ ނަބީ ޞަމްއީލް އަރިހުން އެބައިމީހުން އެދުނެވެ. ދެން ނަބިއްޔާ އެބައިމީހުންނަށް ވިދާޅުވި ހެކީގެ ވާހަކަ ގުރްއާނުގައި ގަޤަރާ ސޫރަތުގެ، 248 އާޔަތުގައި ގެންނަވާފައިވެއެވެ.


وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ


"އަދި، އެމީހުންނަށް އެމީހުންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާ، (ޠާލޫރު) ގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް ތާބޫތު އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި، އަމާންކަމަކާއި، އަދި، މޫސާގެފާނުގެ އާލުވެރިންނާއި ހާރޫނުގެފާނުގެ އާލު ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެ ތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައި މީހުންނީ، މުއުމިނުން ކަމުގައި ވާނަމަ، ހަމަކަށަވަރުން، ތިޔަބައި މީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ."


އަލްތާބޫތު، ތާބޫތަކީ ފޮށްޓެކެވެ. މިހާރުގެ ސަހްޔޫނީ ޔަހޫދީން އެކިޔާ އާކް އޮފް ދަ ގޯޑް، ARK OF GOD އެވެ. އެފޮށީގައިވާ ތަކެއްޗާ މެދު ތަފާތު ގޮތްގޮތަށް ތަފްސީރު އިލްމުވެރިން ލިޔުއްވާފައިވެއެވެ. ފަހެ، އެފޮށީގައި ވަނީ، މޫސާގެފާނުގެ އަސާކޮޅާއި ހެދުންކޮޅެވެ. އަދި ތައުރާތު ލިޔެފައިވާ ބައެއްތަކެއްޗެވެ.



ޔަހޫދީން ތާނޫތުކަމަށް ބުނާ މުގައްދަސްފޮށި
ޔަހޫދީން ތާނޫތުކަމަށް ބުނާ މުގައްދަސްފޮށި

އާދެ! އެފޮށިހިހިއްޕަވައިގެން މަލާއިކަތުން އެމީހުންގާތަށް ވަޑައިގެންނެވިއެވެ. އިބްނު ޢައްބާސް ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. މީސްތަކުން ބަލަހައްޓައިގެން ތިއްބާ، އުޑާއި ބިމާ ދެމެދުން އެފޮށި އުފުއްލަވައިގެން މަލާއިކަތުން ވަޑައިގެން، ޠާލޫތުގެ ކުރިފުޅުމަތީގައި އެފޮށި ބެހެއްޓެވިއެވެ. މިއީ އާޚިރަތް ދުވަހަށް އީމާން ވުމަށްޓަކައެވެ.


ފަހެ، ބަނީ އިސްރާއީލް މީހުންނަށް މަޤައްދަސް ބިމަށް ނަޞްރު ދެއްވީ، ﷲ އަށް އީމާންވެ އަޅުކަން ކުރުމުގައި ދެމިތިބޭތޯއެވެ. ހެޔޮމަގަށް އެނބުރޭތޯއެވެ. އެހެނަސް އެމީހުން ދެމުންގެންދިޔައީ ފުރަގަސްކަން ފާޅުގައި ފެންނާން އެބަހުއްޓެވެ. ފަހެ، ޝާއޫލް، (ޠާލޫރު) ދުނިޔޭގައި، 72 އަހަރު ދިރި ހުންނެވިއެވެ.


އާދެ! މީނާ، (ޠާލޫތް) އަކީ، ކަންޢާން ބިމުގައި ބަނީ އިސްރާއީލް މީހުން އުފެއްދި ފުރަތަމަ ދައްލަތުގެ ފުރަތަމަ ރަސްކަލެވެ. ދެން އޭނާއަށް ފަހު ރަސްކަލަކަށް ވެވަޑައިގަތީ ދާއޫދުގެފާނެވެ. ދާއޫދުގެފާނު އުފަންވެވަޑައިގަތީ އެއްހާސް މކ. ގައެވެ. ޒަބޫރު، زبور ބާއްވާލެއްވުނީ ދާދޫދުގެފާނަށެވެ. އެކަލޭގެފާނަކީ ވަރަށް ކުޅަދާނަ ހަނގުރާމަވެރިއެކެވެ. މޮޅުޝާޢިރެއް ވެސް މެއެވެ. ގުދުސްވެރިރަކަށް ހެއްދެވީ ދާއޫދުގެފާނެވެ. ދެން އެއަށް ފަހު ސުލައިމާނުގެފާނެވެ. މިއީ ބަނީ އިސްރާއީލު ވެރިކަމުގެ އެންމެ ރަންޒަމާނެވެ!


ސުލައިމާނުގެފާނު ރަސްކަމާ ހަވާލުވެވަޑައިގަތީ 970 މކ. ގައެވެ މިއީ ދާޚިލީކަންކަމުގައާއު ޚާރިޖީކަންކަމުގައި ހިކްމަތުން ފުރިގެންވާ ދުވަސްވަރެކެވެ. ރަނިކަމަނާ ސެބާ ބިލްޤީސް، QUEEN OF SHEBA އާ ގުޅުން އުފެއްދެވިއެވެ. ތިޖާރަތު ފުޅާކުރެއްވިއެވެ. ހައިކަލް ސުލައިމާނުގެ ނަމުން މަޝްހޫރު މިސްކިތް ބިނާ ކުރެއްވިއެވެ. މިއީ ސަހުޔޫނީ ޔަހޫދީން އެކިޔާ ފުރަތަމަ ޓެމްޕަލް އެވެ. އެމިސްކިތް ވެގެން ދިޔައީ ރޫހާނީ އަދި އިޖްތިމާއީ މަރުކަޒަށެވެ. ތާބޫތު ފޮރުވާފައި ބެހެއްޓެވީ މިމިސްކިތުގައެވެ. އެކަލޭގެފާނުމައްޗަށް ބާއްވާލެއްވުނު "ތައްރާތު" ގެ އަސްލުފޮތް ބޭއްވެވީ އެތާބޫތު ފޮށިކޮޅުގައެވެ.


ފަލަސްޠީންގެ ބިމުގައި ދިރިއުޅެމުން ގެންދިޔަ ކަންޢާނީން ނާއި ޔަބޫސީންނާއި އެހެނިހެން ޤަބީލާތަކުގެ މީހުންނަށް މިފަހަރު މިދިމާވީ މުޅިން އެހެން ވައްތަރެއްގެ މާބޮޑަށް ވަޙްޝީކަންބޮޑު އަނިޔާވެރި ހަނގުރާމައެކެވެ. މިއެންމެންނަކީ ޠާލޫގެ ދައުލަތާ ދެކޮޅުހެދި މީހުންނެވެ. މިބައިމީހުންގެ ލީޑަރަކަށް ހުރީ ޖާލޫތް، GOLIAT އެވެ. ޖާލޫތަކީ އިސްކޮޅުން ދިގު ބިޔަމީހެކެވެ.


ދެން ފަހެ، ޖާލޫތާއި ޠާލޫތުގެ ލަޝްކަރާ ދެމެދު ހިނގި ވަރުގަދަ ހަނގުރާމައިގެ ވާހަކަތައް ގުރުއާނުގެ ބަޤަރާސޫރަތުގެ، 249 ވަނަ އާޔަތާއި، 250 ވަނަ އާޔަތާއި، 251 އާޔަތުގައި، ﷲ ގެންނަވާފައި ވެއެވެ.


فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّي وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو اللَّهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ


"ދެން، ލަޝްކަރާއިގެން ޠާލޫތު ނުކުމެވަޑައިގަތް ހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށް ފަހު، ޠާލޫތާއި، އޭނާގެ އަރިހުގައި އީމާންވެގެން ތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެމީހުން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."


وَلَمَّا بَرَزُوا لِجَالُوتَ وَجُنُودِهِ قَالُوا رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ


"އަދި، އެމީހުން (އެބަހީ: މުއުމިނުންގެ ލަޝްކަރު) ޖާލޫތާއި، އޭނާގެ ލަޝްކަރާ (ހަނގުރާމަ ކުރުމަށް ސަފުތައްހަދައި) ކުރިމަތިލީހިނދު، އެމީހުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!"



فَهَزَمُوهُم بِإِذْنِ اللَّهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ


"ފަހެ، އެމީހުން، اللَّه ގެ އިޒުނަފުޅާ އެކު ކާފަރުންގެ ލަޝްކަރު ބަލިކޮށްފޫއެވެ. އަދި، ދާވޫދުގެފާނު، ޖާލޫތު ޤަތުލުކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، ޙިކްމަތް (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެއެވެ."


އާދެ! ޒުވާން ދާއޫދުގެފާނަކީ އޭރު ޠާލޫތުގެފާނުގެ ލަޝްކަރުގެ އެންމެ އިސްކޮމާންޑަރެވެ. ޖާލޫތުގެ ކަރު ބުރިކުރައްވާއި ގަތުލްކުރެއްވީ ދާއޫދުގެފާނެވެ. ޠާލޫޠަށް ފަހު، ބަނީ އިސްރާއީލްގެ ރަސްކަން ކުރެއްވި ރަސްކަލަކީ ދާއޫދްގެފާނެވެ.


މިހާ ހިސާބުން ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެނީ، ފަލަސްޠީނަށް ބަނީ އިސްރާއީލު މީހުން އެރިއިރު އެ އެރި ޢަދަދާމެދު ހިސާބަކަށް ބޮޑުކޮށްގެން ގުނާހަދާ ކަމެވެ. ފަހެ، މިހަނގުރާމައިގައި ބައިވެރިވި ޔަހޫދީ ހަނގުރާމަ ވެރިންގެ ޢަދަދު ދެލައްކަ (200،000) އަށްވުރެ މައްޗަށް ނުދާނެ ކަމުގައި ސަރ ހެންރީ ޗަރލްސް ލޫކް އޭނާގެ ފޮތް ކަމުގައިވާ، “ހޭންޑްބުކް އޮފް ޕެލަސްޓައިން އެންޑް ޓްރާންސް ޖޯރޑަން” ގައި ލިޔުއްވާފައި ވެއެވެ.


އަދި މިޢަދަދުގެ ތެރޭގައި ޢިބްރާނީ ބަދަވީންގެ ތެރެއިން އިސްރާއީލީ ހަނގުރާމަ ވެރިންނައި ގުޅުމަށް ފަހު، ކަންޢާނީންނައި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވި މީހުންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ މިޢަދަދުގެ ތެރޭގައި އަންހެނުންނާއި ޅަދަރީންވެސް ހިމެނުން އެކަށީގެން ވެއެވެ. ފަހެ އެއިރު ކަންޢާނީ މީހުންގެ އާބާދީ ގުނޭނީ މިލިއަނުން ކަމަށް ތާރީޚީ ހެކިތައް ބުނެއެވެ.


އާދެ! ބަނީ އިސްރާއީލް މީހުން (ޢިބްރާނީ ޔަހޫދީން) ފަލަސްޠީންގެ ބަޔަކަށާއި ޓްރާންސް ޖޯރޑަންގެ ބައެއްގައި، 1020 މކ. ގައި ޤައިމުކުރި ވެރިކަމަކީ، ޝާއޫލް (ޠާލޫޠްގެފާނު) އުފެއްދި ޢިބްރާނީ ދައްލަތެވެ. އޭގެ ފަހުން މިދައްލަތް ވެގެން ދިޔައީ، ދާއޫދުގެފާނާއި ސުލައިމާނުގެ ފާނުގެ ދައްލަތަށެވެ. މިދައްލަތް، 932 މކ.އައި ހަމައަށް ދެމިއޮތެވެ. ޢިބްރާނީންގެ މިދައްލަތް ދުނިޔޭގައި ދެމިއޮތީ އެންމެ ޤަރްނެއްހާ ދުވަހުއެވެ.


ޠާލޫތާއި ދާއޫދުގެފާނާއި ސުލައިމާން ގެފާނުގެ ޒަމާނަކީ، ފަލަސްޠީންގައި އޮތް ބަނީ އިސްރާއީލު މީހުންގެ ވެރިކަމުގެ ރަންޒަމާނެވެ. މިޒަމާނުގައި ގިނަ ކަންޢާނީން އެވެރިކަމާ ގުޅި، މުޅި ފަލަސްޠީނަށް ފެތުރިގެން ދިޔައެވެ. މިބޭކަލުންގެ ވެރިކަމުގައި ކަންޢާނީން މަރައި ހުސްކުރައްވާ ކަށް، ނުވަތަ ގަދަކަމުން ޔަހޫދީ ދީނާއި ޘަޤާފަތާއި އައިޑެންޓިޓީ ނައްތާލައްވާކަށް، ބަނީ އިސްރާއީލީ ނަބީންނާއި ލީޑަރުން މަސައްކަތެއް ނުކުރައްވަ އެވެ. އެހެނަސް މަސައްކަތް ކުރެއްވީ، ކަންޢާނީންނާއި ބަނީ އިސްރާއީލުންނާ ދެމެދުގައި ޞުލްޙަވެރި ވާށެވެ.


އާޚިރުގައި މިޞުލްޙަ ވެރިކަން ޤައިމުކުރެވި ދެބައިމީހުންގެ ދެމެދުގައި ކައިވެނީގެ ގުޅުންތައް ވެސް ހިނގައިފައި ވެއެވެ. އެގޮތުން ފެންނާންއޮތް މީގެ އެންމެ މަޝްހޫރު މިސާލަކީ، ދާއޫދުގެފާނާ، ކަންޢާނީ އަންހެން ބޭފުޅެއް ކަމަށްވާ “ބިންތު ޝަބާ” ގެ ކައިވަނި ފުޅެވެ. އެނގިވަޑައި ގަންނަވާނެ ފަދައިން ސުލައިމާނު ގެފާނަކީ، މިކައިވަނިފުޅުން ދާއޫދުގެފާނަށް ލިބިވަޑައިގަތް ދަރިކަލެކެވެ.


ކަންޢާނީންގެ އިތުރުން، ފިލިސްތީން ޤަބިލާތަކުގެ ޖަމާއަތްތައް ވެސް ދާއޫދުގެފާނާއި ސުލައިމާނުގެ ފާނުގެ ދައްލަތުގެ ރައްޔިތުންނަށް ވެގެންދިޔައެވެ. އެމީހުންނާއި ކަންޢާނީންނާ ދެމެދުގައި ވެސް ކައިވަނީގެ ގުޅުންތައް ހިނގައި، ޤަރުނުތަކެއްގެ ތެރޭގައި ދެބައިމީހުން ވަކިކުރުން އުނދަގޫވާ މިންވަރަށް އެ ދެ ނަސްލު ވެސް ގުޅިލާމެހި، އެކުލެވިގެން ދިޔައެވެ.


ފަހެ، ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ، ކުރިން ކަންޢާނީންގެ ބިމަށް އަރައި ވަޒަންވެރި ވެގެން އުޅުނު، އާމޫރީންނާއި ޙިއްޠީންގެ ބައެއް ޖަމާޢަތްތައް ވެސް، ބަނީ އިސްރާއީލްގެ ދައްލަތުގެ ތެރޭގައި ޝާމިލްވެގެން ދިޔަކަމެވެ. ފަލަސްޠީނުގެ އެންމެޤަދިމީ އަޞްލަކީ، މިދަންނަވާ ހުރިހާ ޖަމާއަތްތަކެއް ގުޅިގެން އެފެދިގެން ދިޔަ، މުސްލިމް އާބާދީއެވެ. އެއްކައުވަންތަ، ﷲ އަށް އީމާންވި މީހުންނެވެ.


ތަކުރާރުކޮށް ދެންނެވިފައި ވާނޭ ފަދައިން، މިވެރިކަމަކީ ޔަހޫދީންގެ ދަޢްވާއައި ޚިލާފަށް އިސްލާމްދީނުގެ ބިންގަލުގެ މަތީގައި، ﷲގެ ނަބީބޭކަލުންނާއި ރަސޫލުން ތެދުމަގުގައި ތިއްބަވައިގެން ބިނާކުރެއްވި އެއްކައުވަންތަ އިސްލާމީ ވެރިކަމެކެވެ. ފަހެ އެދައްލަތަކީ، ނަސްލީ އިމްތިޔާޒުގެ ދިދައިގެ ދަށުގައި ބަނީ އިސްރާއީލު މީހުންގެ ދަރިކޮޅު ދެމެހެއްޓުމަށް ޤައިމު ކުރެވުނު ނަސްލީ މަޝްރޫޢެއްގެ ނަތީޖާއެއް ނޫނެވެ. އަދި އެގޮތުން ބިނާކުރެވުނު ޚުރާފީ، ނަސްލީ ދައްލަތެއް ނޫނެވެ.


އެހެންކަމުން މިއަދުވެސް އެ ދައްލަތުގެ ވާރިޘުންނަކީ، ޙަޤީޤަތުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނަށް އީމާންވެގެން އެ ކިޔަމަންތެރި ކަމުގައި ތެދުމަގަށް ތަބާވެ، ދެމިތިބި މީހުންނެވެ. ތެދުމަގުގައި ތިބި މުސްލިމުންނެވެ. އަދި ފަލަސްޠީނަކީ، އެއްގޮތަކަށް ވެސް ޚުރާފީ އިސްތިޢުމާރީ، ޔަހޫދީން ނުވަތަ ޢިބްރާނީންގެ ބިމެއްނޫނެވެ.


ފަހެ، އެބިމުގެ ވާރިޘުންނަކީ، ޝައްކެއްނެތް ގޮތުގައި މުސްލިމުންނެވެ. އެހެން އެއްވެސް ދަރިކޮޅެއް ނޫނެވެ. ﷲ އަށް ނަޞްރުދީ، ﷲ އަށް އިމާންވާ އެންމެންގެ ބިމެކެވެ. އަޞްލު ޔަހޫދީންނަށް ވިޔަސް، ޒައޮނިސްޓް ޔަހޫދީންނަށް ވިޔަސް، ޢިބްރާނީންނަށް ވިޔަސް، ޢަރަބީންނަށް ވިޔަސް އެދަޢްވާގެ ޙައްޤެއް ނުވެއެވެ. އެއީ ބާތިލުދައުވާ އެކެވެ.


ޢިބްރާނީންގެ ރަސްކަމުގެ ފަހުގެ ތާރީޚް:


ދާއޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އަވަހާރަ ވުމަށް ފަހު، 931 މކ. ބަނީ އިސްރާއީލުގެ ދަރިލޮޅުން މެދުގައި އިޚްތިލާފު އުފެދި ބައިބައިވުން ފެށުވެ. ސުލައިމާނުގެފާނަށް ފަހު ރަސްކަމާ ހަވާލުވެލެއްވީ ދަރިކަލުން ރަޙްބުޢާމް، REHOBOAM އެވެ. މިއީ އެރަސްކަމުގެ ފަހު ރަސްކަލެވެ.


ވަރުގަދަ އެ ގަދީމީ ރަސްކަން ބައިވެ ދެބަޔަކަށް ބެހިގެން ދިޔައެވެ. އިސްރާއީލީ ދައްލަތުގެ އުތުރު ސަރަޙައްދު ވެގެން ދިޔައީ، ޢިބްރާނީ ރަސްކަމަށެވެ. އެއީ އިސްރާއީލެވެ. ވެރިކަން ކުރާ ރަށަކަށްވީ އަލްސާމިރާ އެވެ. ދެވަނަ ބަޔަކީ، ދެކުނުގައި އޮތް ޖޫދާ ރަސްކަމެވެ. ދެން ޖޫދާ ރަސްކަން އުފެދި، ފިރަތަމަ ރަސްކަން ފެއްޓެވީ ސުލައިމާހުގެފާނުގެ ދަރިކަލުން، ރަޙްބުޢާމް އެވެ.


ފަހެ، މިބައި ވުމުގެ މައިގަނޑު ސަބަބަކީ، ބަނީ އިސްރާއީލުގެ ބާރަ ދަރިކޮޅުގެ މެދުގައި އޮތް މާސިންގާ ޚިލާފުތަކެވެ. އޭގެތެރެއިން އެންމެބައިބޯ، އެންމެ ވަރުގަދަ ޤަބީލާ ކަމުގައިވާ، ޖޫދާ ޤަބީލާގެ މީހުންނައި އަނެއް، 11 ޖަމާޢަތާ ދެމެދުގައި އުފެދުނު ކޯޅުންތަކެވެ.


މިދެބައި ވުމާ ގުޅިގެން ޔުނައިޓަޑް ކިންގުޑަމް އޮފް އިސްރާއީލް، އާދެ! ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ގަދީމީއިސްރާއީލީ ދައުލަތު، އިބްރާނީންގެ މަމްލަކަތީ ރަސްކަން ދެބައިވެގެން ދިޔައީއެވެ. ފަހެ، ޢިބްރާނީ ދައްލަތް ދެބަޔަށް ބައިވެގެންދިޔަ ދިއުމުގައި ޖޫދާގެ ނަންދެވުނު ބަޔަކީ، ޖޫދާ ޤަބީލާ މީހުންގެ ބާރުއޮތް ސަރަޙައްދެވެ. ވެރިރަކީ ޖެރޫސަލަމް ލެވެ.


އިސްރާއީލަކީ އަނެއް، 11 ދަރިކޮޅުގެ ނުފޫޒާއި ބާރު ބޮޑަށް އޮތް ސަރަޙައްދެވެ. އެއްބަޔަކު ބުނާ ގޮތުގައި މިބާރަ ދަރިކޮޅުގެ، 12 ގަބީލާ ތެރެއިން ޔަހޫޒާގެ ދަރިކޮޅައި ބިންޔާމީންގެ ދަރިކޮޅު ފިޔަވާ އަނެއް، 10 ދަރިކޮޅަކީ، އިސްރާއީ ދައްލަތް އަހުލުވެރިންނެވެ.


ގަދީމީއިސްރާއީލް ބެހިގެންދިޔަ ދެދައުލަތް
ގަދީމީއިސްރާއީލް ބެހިގެންދިޔަ ދެދައުލަތް

ފަހެ، ދެކުނުގައި އުފެދުނީ، މަމްލަކަތު ޔަހޫޒާ (KINGDOM OF JUDAH) އެވެ. ޖެރޫސަލަމް (ޤުދުސް) އޮތީ މިބައިގައެވެ. މިބައިގެ އަހްލުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ، ބަނީ އިސްރާއީލުގެ ނަގާކިޔާ ދަރިކޮޅުގެ ގޮތުގައި އޮތް، ޔަހޫޒާ ދަރިކޮޅާއި ބިންޔާމީން (BENJAMIN) ގެ ދަރިކޮޅެވެ. މިދެ ދަރިކޮޅެވެ.


ޖޫދާ (JUDAH) އަކީ، ޔަޢްޤޫބްގެފާނުގެ ހަތަރުވަނަ ބޭފުޅާއެވެ. ބިންޔާމީން އަކީ، ފިރިހެންބޭފުޅުންގެ ތެރެއިން، ބާރަ ވަނަ އަދި އެންމެ ހަގު ބޭފުޅާއެވެ. އަނެއްބަޔަކީ، މަމްލަކަތު އިސްރާއީލް (KIGDOM OF ISRAEL) އެވެ. އަނެއް، 10 ދަރިކޮޅަކީ، އުތުރު ސަރަޙައްދުގެ ބާރުގަދަ އަހްލު ވެރިންނެވެ.


މިދުވަސްވަރު އިސްރާއީލުގައި ބުދަށް އަޅުކަންކުރުން އާންމުވެގެން ދިޔައެވެ. އަދި ޔަހޫޒާ ދައުލަތުގައި ވެސް، ﷲ އަށް އީމާންތެރިވުން މަދުވެ ހެޔޮމަގުގެއްލި މަގުފެރެދިގެން ދިޔައެވެ. އަދި މިދެދައުލަތް ދެމެދު އަދާވަތްތެރިކަން އިންތިހާއަށް ގޮސް ހަނގުރާމަކުރަމުން ގެންދިޔައެވެ.


ބަނީ އިސްރާއީލުގެ ދައްލަތް ދެބަޔަށް ބެހިގެން ދިއުމަށް ފަހު، ވެސް ފަލަސްޠީނުގެ އިރުމަތީންނާއި ހުޅަގު ފަރާތުން އެބައިމީހުންނާ ދެކޮޅަށް މެދުނުކެނޑި ދުޝްމަނުންގެ ޙަމަލާތައް ކުރިމަތި ވަމުން ދިޔައެވެ. ހުޅަގުން ޙަމަލާތައް ދެމުން ގެންދިޔައީ މިޞްރު މީހުންނެވެ.


އިރުމަތީ ފަރާތުން ޙަމަލާތައް ދެމުން ގެންދިޔައީ އެކި ދުވަސްވަރު އެކި ޖަމާޢަތްތަކުގެ މީހުންނެވެ. ސުލައިމާނުގެފާނު އަވަހާރަވިތާ މާގިނަދުވަހެއް ނުވަނީސް ޖޫދާ އާއި އިސްރާއީލު މިދެދައުލަތް އާޝޫރީންގެ ބާރުގެ ދަށަށް ދިޔައެވެ. އާޝޫރީންނަކީ، މެސެޕޮޓޭމިއާ (މިހާރުގެ ޢިރާޤްގެ ބިން ދެކޯރު ދޭތެރޭގެ ބިން) ގައި އުފެދުނު ބާރުގަދަ އަދި ބިޔަ ވެރިކަމެކެވެ.


އާޝޫރީންގެ އެރުން:


އާދެ! 732 މކ. ގައި ޔަހޫޒާ ރަސްކަމުގެ ފަރާތުން އެޒަމާނުގައި ބޮޑުބާރުގެ ގޮތުގައި އޮތް އާޝޫރީން ނަށް ޖިޒީދޭން އެއްބަސްވެ، އިސްރާއީލު ރަސްކަމާ ދެކޮޅަށް އާޝޫރީންގެ އެހީ އާއި މަދަދަށް އެދިގެން އެމީހުންގެ ދަށަށް ދިޔައީއެވެ. ނަތީޖާއަކަށް ވީ، އާޝޫރީންގެ ރަސްގެފާނު ތިޣްލަތް ޕިލާޝަރް ތިންވަނަ (TIGLATH-PILESER 3, 745 – 727 BC) އާއި އާޝޫރީންގެ ދެން ވަޑައިގެންނެވި ދެރަސްކަލުން ކަމުގައިވާ، ޝަލްމަންސަރ ފަހެއް (SHALMANESER 5, 727 – 722 BC) އާއި ސަރްގޫން ދޭއް (SARGON 2, 722 – 705 BC) މިބޭފުޅުންގެ ގަދަފަދަ ލަޝްކަރު ތަކައިގެން އިސްރާއީލީ ރަސްކަމަށް އަރައި އެދައްލަތް މުޅިން ސުންނާފަތި ކޮއްލީއެވެ. ހެސްކިޔާފަ ހަނގުރާމަކޮށް ހެދީއެވެ.


ފަހެ، އެންމެ، 12 ވަރަކަށް އަހަރު ތެރޭގައި އާޝޫރީ ދައްލަތުން މުޅި އިސްރާއީލު އެކުގައި ހިފައި ފަތަހަކޮށް، ޔަހޫޒާދައުލަތް އާޝޫރީންގެ ދަށުގައި އަވަށެއްގެ ގޮތުގައި ދެމިއޮންނަ ގޮތަށް ބޭއްވީއެވެ. އަދި އިސްރާއީލީ ދައްލަތުގެ ސަރަޙައްދު ތަކުގައި ތިބި ބަނީ އިސްރާއީލު ދަރިކޮޅުތަކުގެ މީހުންގެ ތެރެއިން އެތައްބަޔަކު މަރާއި، އެތައްބަޔަކު ރަށުންނެރެ، މުޅި އެހިސާބުތަކުން ބަނީ އިސްރާއީލު މީހުންތައް ފަހާއި ރަށުން ބޭރަށް ޑިޕޯރޓްކޮށް ލީއެވެ.


އާޝޫރީންގެ މި ފުތޫޙާތު ތެރޭގައި، އިސްރާއީލު ރަސްކަމުގައި ދިރިއުޅެމުން ގެންދިޔަ ބަނީ އިސްރާއީލުގެ، 10 ޤަބީލާއަށް ވީނުވީއެއް ނޭގި ގެއްލިގެން ދިޔައެވެ. އިބްރާނީންގެ ގާތުގައި މަޝްހޫރު ލޮސްޓް ޓްރައިބްސް އޮފް އިސްރާއީލް (LOST TRIBES OF ISRAEL) އަކީ، އާޝޫރީންގެ އަތުން، މިގެއްލިގެންދިޔަ، 10 ޤަބީލާއެވެ. އެދަރިކޮޅެވެ.


ފަހެ، މިދިހަ ޤަބީލާއަކީ، ޔަޢްޤޫބްގެފާނުގެ ފިރިހެން، 12 ބޭފުޅުންގެ ބާރަ ދަރިކޮޅެވެ. އެދަރިންގެ ދަރިކޮޅުތަކެވެ. ޔަޢްޤޫބްގެފާނަށް، ހަތަރު އަނބިކަނބަލުންގެ ފަރާތުން ފިރިހެން، 12 ބޭފުޅުންނާއި އެއް އަންހެން ބޭފުޅަކު ލިބިވަޑައި ގަތެވެ. ފުރަތަމަ އަނބިކަމަނާ ކަމުގައިވާ، ލަޔާ (LEAH) އަށް، 7 ބޭފުޅުން ލިބިވަޑައި ގަތެވެ. ލީޔާ އަކީ ލީޔާ ބިންތު ލާބާން، ليئة بنت لا بان އެވެ. ދޮށީއަނބިކަމަނާއެވެ.


އެއީ 1. ރުބީން (REUBEN) އާއި 2. ސައިމަން (SIMEON) އާއި 3. ލާވީ (LEVI) އާއި 4. ޖޫދާ (JUDAH) އާއި 10. ޒެބުލޫން (ZEBULUN) އާއި 11. ދިނާ (DINAH) ލިބިވަޑައި ގަތެވެ. ދީނާ އަކީ، އަންހެން ދަރިކަލުން ނެވެ.


ދެވަނަ އަނބިކަމަނާ ކަމުގައިވާ، ޒިލްފާ (ZILPA) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.


އެއީ 7. ގޭޑް (GAD) އާއި 8. އާޝަރު (ASHER) އެވެ.


ތިންވަނަ އަނބިކަމަނާ ކަމުގައިވާ، ބިލްހާ (BILHAH) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.


އެއީ 5. ޑޭން (DAN) އާއި 6. ނެފްތާލީ (NAPHTALI) އެވެ.


ހަތަރުވަނަ އަނބިކަމަނާ ކަމުގައިވާ، ރާޙީލް (RACHEL) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.


އެއީ 12. ޔޫސުފް (JOSEPH) އާއި 13. ބިންޔާމީން (BENJAMIN) އެވެ. ނަންބަރު ޖަހާފައި އެވަނީ، ދަރިކަލުން ލިބިލެއްވި ތަރްތީބުން ނެވެ. ޝުމާރު ތަރްތީބުންނެއް ނޫނެވެ.


ބަނީއިސްރާއީލުގެ ދަރިކޮޅު ބެހިގެން ގޮސްފައިވަނީ ޔަޢުޤޫބުގެފާނަށް، ﷲ ދެއްވި މި ބާރަ ބޭފުޅުންގެ މައްޗަށެވެ. މިއީ އިސްރާއީލުގެ ނަގާކިޔާ ބާރަ ގަބީލާއެވެ. މިގަބީލާތައް އިއްތިހާދުވެ ވެރިކަން ކުރިދުވަސްވަރަކީ އިސްރާއީލީދައުލަތް ދުށް ރަންޒަމާނެވެ. މިބާރަ ގަބީލާ އަކީ އެކިމަސައްކަތަށް މަޝްހޫރުވި ބައެކެވެ. ކޮންމެގަބީލާ އަކީ ވެސް ވަކި ހުނަރަކަށް މަޝްހޫރުވި ބައެކެވެ.


ލާވީ ބިން ޔަޢުޤޫބް، لاوي بن يعقوب ނުވަތަ ލިވައި ގަބީލާ އަކީ ޚާއްސަކޮށް މަޒްހަބީ ކަންކަމުގެ އިސް ސަރުދާރުންނެވެ. ޖޫދާ، ނުވަތަ ޔަހޫދާ ގަބީލާ ވެގެން ދިޔައީ ރަސްކަން ކުރުމުގެ ވަރުގަދަ ބަޔަކަށެވެ. އެމެރިކާއިން އުފައްދާ ލިވައި ޖިންސު ސަހުޔޫނީ ޔަހޫދީން މަޝްހޫރު ކޮށްވެފައި ވަނީ މި ގަބީލާއަށެވެ. އެނަމަށެވެ. ފަހެ، މިހުރިހާ ގަބީލާތަކަކީ ވެސް ކަންޢާން ބިމުގައި ދިރިއުޅުނު ގަބީލާތަކެވެ. ވަގުތާ އެކު ބޮޑުވެ ބިޔަވަމުން ދިޔައީއެވެ!



ޔަޢުޤޫބުގެފާނުގެ ބާރަ ބޭފުޅުން
ޔަޢުޤޫބުގެފާނުގެ ބާރަ ބޭފުޅުން

އިސްރާއީލީ ވެރިކަން އާޝޫރީންގެ ވެރިކަމުގެ ބާރުވެރި ޖައްބާރު ރަސްރަސްކަލުންގެ އަތްތަކުން ފަނާވެ ދިއުމަށް ފަހު، ޔަހޫޒާ (ޖޫދާ) ރަސްކަން އާޝޫރީންނަށް ޖިޒީ ދައްކާބައެއްގެ ގޮތުގައި ބާބިލީން އަރައި ޖޫދާ އެކުގައި ހިފަންދެން ދެމި އޮތެވެ.


އާޝޫރީންގެ ބާރުގެ ދަށަށް ޢިބްރާނީ ރަސްކަން ދިއުމަށް ފަހު، ދެން އައި ދައްރުތަކުގައި އެބައިމީހުންގެ ދީނީ ޢަޤީދާވެސް ވަރަށް ބޮޑަށް ފާސިދުވެގެން ދިޔައެވެ. އެގޮތުން އެބައިމީހުންގެ ފައްޅިތަކުގައި، ﷲ ފިޔަވައި އާޝޫރީންގެ ކަލާނގެތަކަށް އަޅުކަން ކުރެވެން ފެށުނެވެ. ﷲ އެބައިމީހުންގެ ގާތަށް އެތައް ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެއް ފޮނުއްވި ނަމަވެސް އެމީހުންގެ ތެރެއިން މަދު ބަޔަކު ނޫނީ އެބޭކަލުންނަށް އީމާންވެ ތަބައެއް ނުވެއެވެ.


މިއީ ޚުދު ޢިބްރާނީންގެ ބައިބަލްއިން ވެސް ސާފުކޮށް އެނގެންއޮތް ޙަޤީޤަތެކެވެ. މިކަހަލަ ގޮތެއްގައި އަހަރުތައް ފާއިތުވެގެން ދިއުމަށް ފަހު، 721މކ. ގައި ޢާޝޫރީންގެ ލަޝްކަރުތައް ބަނީ އިސްރާއީލު މީހުންގެ އެކިސަރަޙައްދަށް އަރައި އެސަރަޙައްދު މުޅިން ސުންނާފަތިކޮށް، ހަލާކުކޮށް ނިންމާލިއެވެ. އިސްރާއީލް ރަސްކަމުގެ އެންމެން ގެއްލި އަދި ނެތި ދިޔައީއެވެ.


ފަހެ، އެއަށްފަހު، ބަނީ އިސްރާއީލު މީހުންގެ ބާރާއި ނުފޫޒު ދަށްވެ، ކުޑަމިންވަރަކަށް ދެމިއޮތީ، އާޝޫރީންނަށް ޖިޒީދައްކަމުން ގެންދިޔަ ޖޫދާ ސަރަހައްދުގައި އެކަންޏެވެ. އެހެނަސް ޖޫދާ ވެސް ދެމިއޮތީ އެންމެ ދެޤަރްނެއްހާ ދުވަހުއެވެ. އެއަށް ފަހު އިސްރާއީލު ދައްލަތްހެން މިދައްލަތް ވެސް ނެތި ދިޔައީއެވެ.


ބާބިލީން އާޝޫރީންގެ ވެރިކަން ސުންނާފަތި ކޮށްލުމަށް ފަހު، ދެން ދިމާކުރީ ބަނީ އިސްރާއީލު މީހުން އުފެއްދި ޖޫދާ ރަސްކަމާއެވެ. އެހެންވެ މިހާ ހިސާބުން، ޢިބްރާނީ މީހުންގެ ޒަމާން، ފަލަސްޠީނުގައި އެކުގައި ހެން ނިމިގެން ދިޔައީއެވެ.


ބާބިލީންގެ އެރުން:


އާޝޫރީންގެ ރަސްކަން (ASSYRIAN EMPIRE) ފުނޑުފުނޑުކޮށްލާއި ސުންނާފަތިކޮށް ލުމަށް ފަހު، 586 މކ. ގައި ބާބިލީންގެ ދެވަނަ ރަސްކަން (NEO-BABYLONIAN EMPIRE) ޤައިމު ވެގެން ދިޔައީ ފަލަސްޠީނު ބިމުގައެވެ. ބާބިލީންގެ ޤަދީމީ ފުރަތަމަ ރަސްކަން ޤައިމް ވެފައިއޮތީ، 1892 މކ. ގައި ޢިރާޤު ގައެވެ. މިރަސްކަމަށް، މުއައްރިޚުން ކިޔާ އުޅެނީ، އޯލްޑް ބާބިލިއަން ޕީރިއަޑް (OLD-BABYLONIAN PERIOD) އެވެ.


އާދެ! ބާބިލީންގެ ވަރުގަދަ ރަސްކަލެއް ކަމުގައިބާ ބުޚްތުނައްޞަރު (BAKHATNASAR- NABUKUDURI USUR, 634 – 562 BC) ގެ ވަރުގަދަ ލަޝްކަރުން ޖޫދާ ވެރިކަން ކުރަމުން ގެންދިޔަ ޔަހޫޒާއަށް އަރައި އެދައްލަތް އެކުގައި ސުންނާފަތިކޮށް ލިއެވެ. އަދި ޖެރޫސަލަމް އެކުގައި ހިފުމަށް ފަހު، އެޝަހަރުގައި ސުލައިމާނުގެފާނު ބިނާކުރައްވާފައި ހުރި، މަޝްހޫރު މިސްކިތްކޮޅު “އަޤްޞާ މިސްކިތް” ތަޅާލައި ސުންނާފަތިކޮށް ލިއެވެ. މިއީ ސަހުޔޫނީޔަހޫދީން އެބުނާ ފުރަތަމަޓެމްޕަލްގެ ނިމުމެވެ.


އެއަށް ފަހު، ޔަހޫޒާގެ ލީޑަރުންނާއެކު ޔަހޫޒާގެ އެތައްހާސް ރައްޔިތުންނެއް އަޅުންގެ ގޮތުގައި ބާބިލަށް ގެންދެވުނެވެ. ދެން ޔަހޫޒާ އޮތީ ބާބިލީންގެ އަޅުވެތިކަމުގެ ދަށުގައި ބާބިލީ ރަސްކަމުގެ ބައެއްގެ ގޮތުގައެވެ. މިއީ، ﷲ އެމީހުންގެ ނުކިޔަމަންތެރި ކަމުން ދެއްކެވި ސަޒާއެކެވެ. އަޒާބެވެ!


ބުޚްތުނައްސަރު ރަސްގެފާނު
ބުޚްތުނައްސަރު ރަސްގެފާނު

އާދެ! މިއީ ޔަހޫދީންގެ މައްޗަށް ބުޚްތުނައްޞަރު ގަދަކުރެއްވުމެވެ. މިއީ، ﷲގެ ކޯފާއެކެވެ. ބުޚްތުނައްޞަރު އޭނާގެ ލަޝްކަރު އެއްކޮށް، ޔަހޫދީންނައި ދިމާކުރި ސަބަބަކީ ކަނޑައެޅިގެން ކޮންކަމަކާ ހެދިތޯ، ތާރީޚީ ފޮތްތަކުން އެނގޭކަށް ނެތެވެ. އެހެނަސް ހީވާގޮތަކީ، ފަލަސްޠީނުގެ އަޞްލު މީހުން ކަމުގައިވާ، އަދި އެބިމުގެ ޙަޤީޤީ އަހްލުވެރިން ކަމުގައިވާ ކަންޢާނީންނާއި އެހެނިހެން މުސްލިމް ދަރިކޮޅުތަކަށް ޔަހޫދީންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން ކަމުގައި ބެލެވިދާނެއެވެ.


އަދި އެބައިމީހުން ފަލަސްތީނުގެ މާތްބިމުގައި ކުރަމުން ގެންދިޔަ ފަސާދައިގެ ބޮޑުކަމުން، ޔަހޫދީންގެ އަނިޔާވެރިކަމުން، ސަލާމަތްކޮށް ދިނުމަށް ބާބިލްގެ ރަސްގެފާނުގެ ކިބައިން ސިއްރުގޮތެއްގައި އެތަނުން ބަޔަކު އެދުނީ ކަމުގައި ވެސް ވެދާނެއެވެ. މޮޅަށްދެނެ ވޮޑިގަންނަވާނީ، ﷲ އެވެ!


ކޮންމެއަކަސް ބުޚްތުނައްޞަރު އެނާގެ ބިޔަ ލަޝްކަރު ގޮވައިގެން ގޮސް ޔަހޫދީން ޤައިމްކޮށްގެން ތިބި ރަސްކަމާ ދިމާކުރިއެވެ. ޔަހޫދީ ރަސްކަން އޭރު އޮތީ، މަގުފުރެދިގެން އިންތިހާއަށް ގޮސްފައެވެ. އެހެންވުމުން، އެބައިމީހުންގެ މައްޗަށް، ﷲ ލިޔުއްވާފައި އޮތީ، ދެރަވުމާއި ނިކަމެތިވުމެވެ. ޛަލީލު ކުރެއްވުމެވެ.


ފަހެ، ބުޚްތުނައްޞަރު އޭނާގެ ބިޔަ ލަޝްކަރާ އެކު ބައިތުލް މަޤްދިސް އަށް ވަދެ އެތަން ޚަރާބުކޮށް ސުންނާފަތި ކޮށް ޔަހޫދީންގެ ގޭގެއަށް ވަދެ އެމީހުން ވަކިވަކިން ހޯދައި ޤަތުލްކޮށް ހެދިއެވެ. މިގޮތުން އެބައިމީހުންގެ މައްޗަށް، ﷲގެ ވަޢީދު ބަސްފުޅުތައް ތައުރާތުގައި އައިސްފައިވާ ފަދައިން ފުރިހަމަ ވެގެން ދިޔައެވެ. އަދި، ﷲ ޤުރުއާނުގައި ސޫރަތުލް އިސްރާގެ ހަތަރުވަނަ އާޔަތާއި ފަސްވަނަ އާޔަތުގައި ވެސް އެވަޢީދުގެ ބަސްފުޅުތައް ވަޙީކުރައްވާފައި ވެއެވެ.


وَقَضَيْنَآ إِلَىٰ بَنِىٓ إِسْرَٰٓءِيلَ فِى ٱلْكِتَـٰبِ لَتُفْسِدُنَّ فِى ٱلْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴿٤﴾ فَإِذَا جَآءَ وَعْدُ أُولَىٰهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ أُو۟لِى بَأْسٍ شَدِيدٍ فَجَاسُوا۟ خِلَـٰلَ ٱلدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا ﴿٥﴾


“ތިމަން ﷲގެ ފޮތުގައި، ތަވުރާތުގައި ކަނޑައަޅުއްވައި، އިސްރާއީލުގެ ދަރިންނަށް ވަޙީކުރައްވައި އެންގެވީ މެވެ. ތިޔަބައިމީހުން ދެފަހަރެއްގެ މަތީން ބިމުގައި (އެބަހީ، ޝާމުކަރައިގެ ބިމުގައި ނުވަތަ ފަލަސްޠީނުގައި) ފަސާދަކޮށް އުޅޭނޫއެވެ. އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން ތިޔަބައިމީހުން މަތިވެރި ވާނޫއެވެ. އެ ދެފަހަރުން ފުރަތަމަ ފަހަރަށް ކަނޑައެޅިގެންވާ ވަގުތުއައި ހިނދު، ގަދަފަދަ ވެގެންވާ ބާރެއްގެ ވެރި، ﷲގެ އަޅުންތަކެއް ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲ ފޮނުއްވީމެވެ.


ދެން އެބައިމީހުން، ރަށްތަކަށް އަރައި، ގެތަކުގެ މެދަށް ދާންދެން ވަދެ ހޯދައި އުޅުނޫއެވެ. (އެބަހީ) ދުޝްމިނުން ރަށުތެރެއަށް އަރައި، ގެތަކަށް ވަދެ ހޯދައި އާންމު މީހުންނެރެ ޤަތުލްކޮށް ހައްޔަރުކޮށް މުދައުތައް ފޭރި، ތަކެތި އަންދައި ސުންނާފަތިކޮށް އުޅުނެވެ. ކަންހިނގަނިވި، ވަޢްދެއް ކަމުގައި އެކަންތައް ވިއެވެ.”


އާދެ! ނުބައިކަމާއި ފަސާދަ އިތުރުވުމުން އަނިޔާވެރިޔާގެ މައްޗަށް އަނިޔާވެރިއަކު، އަދި ފާފަކުރުމުގައި ހައްދުފަހަނައަޅައިދާ މީހާގެ މައްޗަށް އެފަދަ ގަދަފަދަ ޖައްބާރު މީހަކު ފާކުރައްވައެވެ، އުމަރުގެފާނު ލަޝްކަރަށް ވަސިއްޔަތް ކުރައްވަމުން ވިދާޅުވެފައިވާ ފަދައިންނެވެ.


"ތިޔަބައިމީހުން ނުބުނާށެވެ! ތިމަންމެންގެ ޢަދުއްވު ތިމަންމެންނަށް ވުރެ ނުބައިކަން ބޮޑެވެ. އެހެން ވީމާ، އެބައިމީހުން ތިމަންމެންގެ މައްޗަށް ފާނުކުރައްވާނެއެވެ. ބައެއްގެ މައްޗަށް އެބައި މީހުންނަށް ވުރެ ނުބައި މީހުން ކިތަންމެ ފަހަރަކު ފާކުރައްވާފައި ވެއެވެ. ބަނީއިސްރާއީލު މީހުން، ﷲ ހަރާމް ކުރެއްވި ކަންކަމަށް އަރައިގަތުމުން އެބައި މީހުންގެ މައްޗަށް މަޖޫސީ ބުޚްތުނައްޞަރު ފާކުރެއްވި ފަދައިންނެވެ!"


ފަހެ، ޢަޖައިބު ވާންޖެހޭ އެންމެބޮޑު ސަބަބަކީ، ﷲ އަށް އީމާންވެ ތެދުމަގުގައި ތިބޭމީހުންނައި ދިމާކުރުމުގެ ގޮތުން ޔަހޫދީންނަށް ލިބިފައިވާ ހިތްވަރާއި ކެރުމާ ހެދިއެވެ. ފަހެ، އެމީހުންނަކީ، ތެދުމަގުގައި ތިއްބެވި، ﷲގެ ރަސޫލުންނާއި ނަބީން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. ވަރިހަމައެވެ. އެއްވެސް ކަމެއް ކުރުމަކަށް ޖެހިލުމެއް ނުވެއެވެ. ޔަހޫދީންނަށް އެއިން ބޭކަލަކު ފެނިއްޖެ ހިނދަކު މަރާލާއި ހަލާކުކޮށް ލައެވެ. ޔަހޫދީން ކުޅަ ނުލަފާ ކަންތަކުގެ ވާހަކަ، ޤުރުއާނުގައި ﷲ ވަޙީކުރައްވާ ފައި ވެއެވެ. ސޫރަތުން މާއިދާގެ، 70 ވަނަ އާޔަތް ބައްލަވާ ލައްވާށެވެ!


لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ


“ހަމަކަށަވަރުން ބަނީ އިސްރާއީލުންގެ، ކަށަވަރު ވެގެންވާ ޢަހްދު ތިމަން ﷲ ހިއްޕަވައި، އެބައިމީހުންގެ ގާތަށް ރަސޫލުންތަކެއް ތިމަން ﷲ ފޮނުއްވީމެވެ. އެބައިމީހުންގެ ހިތްތައް ނޭދޭ ގޮތަކައިގެން، އެބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެބައި މީހުން އޭގެތެރެއިން ބައެއް ރަސޫލުންގެ ބަސްފުޅު ދޮގު ކުރެއެވެ. އަދި، އެބައިމީހުން، އޭގެތެރެއިން ބައެއް ރަސޫލުން ޤަތްލު ކުރެއެވެ.”


މިއާޔަތުގައި، ޔަޤްތުލޫން (ގަތުލުކުރޭ! ގަތުލުކުރަނީ!) "ޔަޤްތުލޫން" މި ބަސް، ﷲ ގެންނަވާފައި ވަނީ، އެކަމުގެ ބިރުވެރި ސޫރަ ހިތަށް ގެންނެވުމަށާއި އެއީ އެބައި މީހުންގެ އާދައެއްކަން އެންގެވުމަށެވެ.


އާދެ! މަޝްހޫރު ބާބިލީންގެ ލަޝްކަރުތައް ފަލަސްޠީނަށް އަރާއި ޤުދުސް ވަށާލުމަށް ފަހު، އެޙަމަލާގެ ނިމުން ވެގެންދިޔައީ ވަރަށް އަނިޔާވެރި ގޮތެއްގައި ބަނީ އިސްރާއީލު މީހުންގެ ވެރިކަމުގެ ނިމުމުގައި ސިއްކަ ޖެހުމަށެވެ. އަދި، މުޅި ފަލަސްޠީނު ބާބިލީންގެ ބާރުގެދަށަށް ގެނެވުނީއެވެ. އެއަށްފަހު، ބާބިލީން ބަނީ އިސްރާއީލު މީހުންގެ އިސްކޮށް ތިބި ޢާއިލާތަކާއި ނުފޫޒުގަދަ މީސްމީހުންގެ ޢައިލާތަކާއި އެތައްހާސް ބަޔަކު އަޅުންގެ ގޮތުގައި ބާބިލަށް ގެންދިޔައެވެ. މަދު ބަޔަކު މިޞްރަށް ފިލައިގެން ވެސް ދިޔައެވެ.


އޭރުން ފެށިގެން، 1918 ގައި ހިނގި ފުރަތަމަ ބޮޑު ހަނގުރާމައި ގައި ޖެނެރަލް އެލަންބީ ފަލަސްޠީނު ހިފުމަށް ދާންދެން، ދުވަހަކުވެސް ބަނީ އިސްރާއީލު މީހުންގެ ނުވަތަ ޔަހޫދީ ދައްލަތެއް ކަމަށް ބެލެވޭ ފަދަ ދައްލަތެއް ފަލަސްޠީނުގެ ބިމުގައި އުފެދިފައެއް ނެތެވެ. އެހެން ވުމުން ފަލަސްޠީން ގައި ޢިބްރާނީންގެ ދައްލަތެއް ޤައިމުވެ ދެމި އޮވެފައި ވަނީ، ވަރަށް މަދު އަހަރުތަކެއް ގައެވެ. ދައްލަތެއްގެ ސިފައިގައި ދެމި އޮތީ އެންމެ، 100 އަހަރުއެވެ.


ދެން އާޝޫރީންނަށް ޖިޒީ ދައްކައިގެން އިތުރު އަހަރުތަކަކަށް އުޅެވުނެވެ. ހަމަޤައިމު ވެސް ފާހަގަކޮއްލަން ޖެހެނީ، މުސްލިމުން ފަތަޙަކުރި ރަށްތަކުގައި މިއަށްވުރެ ގިނަ ދުވަހު މުސްލިމުންގެ ވެރިކަންތައް ޤައިމުވެ އޮތެވެ. އެހެންވުމުން މިއަދުގެ މުސްލިމުން، އެރަށް ތަކަކީ މުސްލިމުންގެ ތަންތަނޭ ކިޔާފަ، ޔަހޫދީން ފަލަސްޠީނަށް އެރިހެން އަރަންވީތޯއެވެ؟ މިއީ ހަމަ އުފައްދަން ޖެހޭ ސުވާލެކެވެ!


އާދެ! ބަނީ އިސްރާއީލު މީހުން ބާބިލްގައި އުޅަމުން ގެންދިޔަ ދުވަސްވަރަކީ، އެބައިމީހުންގެ ތާރީޚްގައި ފާހަގަ ކުރެވޭ ދައްރެކެވެ. ކުރިން އެބައިމީހުން ވާހަކަދައްކައި އުޅުނުބަހަކީ، ކަންޢާނީންގެ ބަހުރުވައާއި މެސެޕޮޓޭމިއާއިން، ފަލަސްޠީނަށް ކޯރު ހުރަސްކޮށް އެރި، ޢިބްރާނީ މީހުންގެ ބަހައި އެކުވެގެން، އުފެދިފައި އޮތް، ޢިބްރާނީ ބަހެވެ. ނަމަވެސް ބާބިލަށް އައުމަށް ފަހު، ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި އެބައިމީހުންގެ އާރާމީބަހުން (ARAMAIC LANGUAGE) ވާހަކަ ދައްކަން ފެށިއެވެ. އެއިރުއްސުރެ ޒަމާންތަކެއް ވަންދެން ޔަހޫދީން ވާހަކަ ދައްކައި އުޅުނު ބަހަކީ، އާރާމީ ބަހެވެ.


ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި އިރުވެސް ޔަހޫދީންގެ ބަހަކީ، އާރާމީ ބަހެވެ. އެހެނަސް ފަހުގެ ދައުރުތަކުގައި އެބައިމީހުން އަނެއްކާވެސް މުސްކުޅި ޢިބްރާނީ ބަހުން ވާހަކަ ދައްކަން ފެށީއެވެ. އެހެނަސް އަދިއަދާ ހަމައަށް ވެސް ޔަހޫދީންގެ ތެރޭގައި އާރާމީބަހުގެ ނުފޫޒު ގަދައަށް އޮވެއެވެ. އެގޮތުން މަރުވާ މީހުންގެ ޖަނަޒާގައި ކިޔާ ދުޢާ މިހާރުވެސް ކިޔަނީ، އާރާމީ ބަހުންނެވެ.


މިހުރިހާ ފަތަޙަތަކެއް ހިނގަމުން ދިޔަ އިރުވެސް ފަލަސްޠީންގެ އަޞްލުމީހުން އަބަދުވެސް އެތަނުގައި ޤައިމްވެ ދެމި ތިއްބެވެ. ދެން އައީ ފަލަސްޠީނަށް، 539 މކ. ގައި ފާރިސީންގެ އެރުމެވެ. އަދި، 331 މކ. ގައި ޔޫނާނީންގެ ލަޝްކަރު، އެލެގްޒެންޑަރ ދަގްރޭޓްގެ ޤިޔާދަތުގައި އެރުމެވެ. އަދި، 63 މކ. ގައި ރޫމީންގެ އެރުމެވެ.


ފާރިސީންގެ އެރުން:


ފާރިސީން ފަލަސްޠީނަށް އެރީ، 539 މކ. ގައި ބާބިލީންގެ އެންމެ ފަހު، ރަސްގެފާނު ނަބޫނައިދުސް (NABONIDUS (NABU-NAID) 556 – 539 BC) ގެ ލަޝްކަރު އޮޕިސް ހަނގުރާމަ (BATTKE OF OPIS) ކޮށް، ބާބިލް އާއި މޮސެޕޮޓާމިއާގެ ގިނަ ޝަހަރުތައް ފާރިސީންގެ ހަޚާމަނިއްޝީ ރަސްކަން، "ފާރިސީން ފުރަތަމަ އެމްބަރާތޫރު" (ACHAEMEIND EMPIRE [PERSIAN EMPIRE], 550 – 330 BC) ގެ މަޝްހޫރު ގަދަފަދަ ޝެހެންޝާހު (KING OF KINGS) ކޫރުޝް އަޢްޡަމް، كورش الكبير (CYRUS THE GREAT) ގެ ބިޔަ ލަޝްކަރު ތަކުން ފަތަޙަ ކުރުމަށް ފަހުގައެވެ. ކޫރަޝް (ސައިރަސް) އަކީ އެރަސްކަމުގެ ފުރަތަމަ ރަސްކަލެވެ. ބާބިލީން އެކުގައި ފަތަހަކުރި ލިވާންޓް ފާރިސީން ވެސް އެކުގައި ފަތަޙަކުރިއެވެ. މިއީ ދާރާ ތިނެއް، ނޫނީ ދާރިއުސް ތިނެއް އާ ހަމައަށް ދެމިގެން ދިޔަ އެމްމަރާތޫރެކެވެ.


ކޫރުސް، ޔަހޫދީންނަށް މިނިވަންކަން ދެއްވި ފާރިސީންގެ ރަސްގެފާނު
ކޫރުސް، ޔަހޫދީންނަށް މިނިވަންކަން ދެއްވި ފާރިސީންގެ ރަސްގެފާނު

މިފަތަހަ ތެރޭގައި ޤުދުސް އާއި ޔަހޫޒާގެ ބިން ވެސް ފަތަޙަ ކުރެއްވިއެވެ. އެއަށް ފަހު، ބާބިލީން ފަލަސްޠީނަށް އަރައި ބާބިލަށް އަޅުންގެ ގޮތުގައި އަރުވާލެވުނު، ޔަހޫދީން ނަށް އެނބުރި ޤުދުސްއަށް ހިޖްރަ ކުރުމުގެ ހުއްދަ ޝެހެންޝާހު ކޫރުޝް (ސައިރަސް) ދެއްވިއެވެ. އާންމު މައާފެއް ދެއްވާއި މިނިވަން ކުރެއްވީއެވެ. އަދި، ގާނޫނަކުން އެބަޔަކު ބޭނުން ދީނަކަށް އަޅުކަންކޮށް އުޅުމުގެ މިނިވަންކަން ދެއްވިއެވެ.


އަދި އެއްވެސް ބައެއްގެ އަތުގައި އެމީހުންގެ ދީނަށް އަޅުކަން ކުރާނެ މިސްކިތެއް، ގެއެއް، ފައްޅިއެއް، ފަދަ ތަނެއް ނެތިއްޔާ ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ނިންމެވީއެވެ. މިގޮތުގެ މަތީން ރަށުން ބޭރުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީން މިނިވަންވެ އެނބުރި ރަށަށް ގޮސް އެމީހުންނަށް އުފަލާއި ތަނަވަސް ކަމުގައި ފަލަސްޠީނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށް ދެއްވިއެވެ. މިހުއްދައިގެ ދަށުން ބާބިލުން ފަލަސްޠީނަށް ޔަހޫދީން ހިޖްރަކުރުމުގެ އަލިޔާ (މީހުނައިގެން ފުރިފައިވާ ބޮޑެތި އުޅަދުފަހަރުގެ ގުރޫޕުތައް) ތަކުގެ ދަތުރުތައް ފެށުނެވެ.


މިގޮތުން ބާބިލުން ފަލަސްޠީނަށް ހިޖްރަކުރި ފުރަތަމަ އޮއިވަރަކީ، ޝެޝްބައްޒާރު އަލިޔާ (SHESHBAZZAR’S ALIYAH) އެވެ. މިދަތުރުގައި ޒުވާން ޔަހޫދީންގެ ހާހަކަށް މީހުން ފަލަސްޠީނަށް އެރިއެވެ. ހިޖްރަކުރުމުގެ ދެވަނަ އޮއިވަރު ޒެރުއްބާބެލް (ZERUBBABEL’S ALIYAH) ގައި 24 ހާސް ޔަހޫދީ ފިރިހެނުންނާއި، 12 ހާސް ޔަހޫދީ އަންހެނުންނާއި، 4 ހާހެއްވަރު ޔަހުދީ އެދުރުން (PRIESTS) ނާއި ފައްޅީގައި މަސައްކަތްކުރާ ހުރިހާ ދަރަޖައެއްގެ މީހުންނާއެކު ގާތްގަޑަކަށް ޖުމްލަ، 42 ހާހަށްވުރެ ގިނަ ޔަހޫދީން ފަލަސްޠީނަށް އެރިއެވެ.


ޔަހޫދިންގެ ހިޖްރަކުރުމުގެ މިބުރަށް، ޔަހޫދީން ދީފައިވާ ނަމަކީ، ޒިއޮންއަށް އެނބުރި އައުން (THE RETURN TO ZION) މިނަމެވެ. މިއީ އަނބުރާ ޒިއޮން އަށް އައިސް ވަޒަންވެރި ވީ ޔަހޫދީންނެވެ. މިމީހުންގެ ޙަރަކާތްތައް ޤުދުސްގައި ބަރާބަރަށް ކުރިޔަށް ގެންދިޔައެވެ. މަޑުންތިބީކީ ނޫނެވެ. މިއީ އަރިވާލެވުނު ޔަހޫދީން، ޔަހޫދީ ޑައެސްފޯރާ، Jewish Diaspora އެވެ.


އާދެ! 516 މކ. ގައި ބާބިލީން ތަޅާ ސުންނާފަތިކޮށް ބިމާހަމަކޮށްލި ސުލައިމާނުގެފާނު ބިނާކުރެއްވި، މިސްކިތް ހުރި ތަނުގައި އަލުން މިސްކިތެއް އެމީހުންގެ ބަހުންނަމަ، ހައިކަލްއެއް (SECOND TEMPLE) ދެވަނަ ފަހަރަށް ބިނާކުރީއެވެ. މިކަން ކުރުމަށް ހުއްދަދެއްވީ ފާރިސީން އެމްބަރޫރުގެ އޭރުގެ ރަސްރަސްކަލުންނެވެ. ކޫރަޝް ރަސްގެފާނަށް ފަހު ވަޑައިގެންނެވި ދާރާ އެކެއް، ނޫނީ ދާރިއުސް އެކެއް “ދާރިއުސް ދަ ގްރޭޓް” (DARIUS THE GREAT [DARIUS 1], 522 – 486 BC) ގެ ދުވަސްވަރު ދުވަސްވަރު ވެސް ފާހަގަ ކުރެވެއެވެ. މިރަސްގެފާނު ފަރާތްޕުޅުން ވެސް މިޓެމްޕަލް އެޅުމަށް އެހީތެރިވެދެއްވިއެވެ.


ފަހެ، ބާބިލުން ފަލަސްޠީނަށް، ޢިބްރާނީ ޔަހޫދީން ހިޖްރަކުރުމުގެ ތިންވަނަ އޮއިވަރު، 458 މކ. ގައި އިޒްރާ އަލިޔާ (EZRA’S ALIYAH) ގެ ނަމުގައި އެރިއެވެ. އަދި، 4 ވަނަ ހިޖްރަކުރުމުގެ އޮއިވަރު، 445 މކ. ގައި ނެހީމިއާ އަލިޔާ (NEHEMIAH’S ALIYAH) ގެ ނަމުގައި ފަލަސްޠީނަށް އައިސް ވަޒަންވެރި ވިއެވެ. ބައިބަލްގެ އެކި ފޮތްތަކުގައި މިހިޖުރަތަކުގެ ތަފްސީލް ގެނެސްފައި ހުރެއެވެ.


މިއީ ބާބިލުން ފަލަސްޠީނަށް އައި އެންމެފަހުގެ ހިޖްރަ ދަތުރެވެ. ނެހީމިޔާ ވެގެންދިޔައީ ފާރިސީ ރަސްގެފާނުގެ މޭޒުކޮޅުތަކަށް ބުއިންތައް އަރުވާ (CUP-BEARER) މީހާއަށެވެ. ރަސްގެފާނުގެ މާއަރިސް މީހަކަށެވެ. އަދި ފަހުން، ޖޫދާޝަހަރުގެ ގަވަރނަރުކަމަށް ޢައްޔަން ކުރެވުނެ. އަދި ޤަދީމީ ޤުދުސްގެ ވަށާލެވިފައިވާ ބޮޑުފާރު ހަލާކުވެފައި ވާތީ، މަރާމާތު ކުރުމުގެ މަސައްކަތް ވެސް ޙަވާލުކުރެވުނީ މީނާއާއެވެ.


މިދުވަސްވަރު އާދަޔާޚިލާފަށް ބާބިލުން ޖިހްރަކުރި ޔަހޫދިންގެ ނުފޫޒު ގަދަވެގެން ދިޔައެވެ. އެމީހުންގެ ފައްޅިހައިކަލްތަކުގައި އިސްވެ ނަގާކިޔަންފެށި އެވެ. އަދި، ޔަހޫދީންގެ ބޮޑު ބައްދަލުވުން (GREAT ASSEMBLY [GREAT SYNAGOGUE]) ބޭއްވިއެވެ. މިބައްދަލު ވުމުގައި، 120 ޔަހޫދިބޮޑުން ބައިވެރިވިއެވެ. މީގެތެރޭގައި އެމީހުންގެ އެދުރުންނާއި ރަސޫލުން ވެސް ތިއްބެވެ.


މިކަން އިންތިހާއަށް ގޮސް، 350 މކ. ހިސާބުގައި ފާރިސީ ރަސްގެފާނު އިރްދަޝީރު ތިނެއް (ARTAXERXES 3 [GREAT KING (SHAH) OF PERSIA], 425 – 338 BC) އާ ދެކޮޅުވެރިކަން ހާމަކޮށް ހަނގުރާމަ އަކާ ހިސާބަށް ކަންތައް ދިޔައެވެ. މިދެކޮޅު ހެދުމުގައި ބައިވެރިވި ހުރިހާ ޔަހޫދީންތައް، ކެސްޕިއަން ކަނޑު (CASPIAN SEA) ގެ އައްސޭރި ފަށުގައިވާ، ހިރްޤާނިއާ (HYRCANIA) އަށް އަރުވާލެވުނެވެ. އެއި ކެސްޕިއަން ކަނޑުން މިހާރުގެ އީރާނަށް އައްސޭރިވާ އުތުރުބިތުގެ ސަރަޙައްދެވެ.


އާދެ! ފާރިސީންގެ ދައްރުގައި ބަނީ އިސްރާއިލު މީހުން ނުވަތަ ޢިބްރާނީ ޔަހޫދީން، ޔަހޫޒާޝަހަރުގައި ދިރިއުޅުނީ އަމިއްލަ ދައްލަތެއްގެ ދަރަޖައިގައެއް ނޫނެވެ. ފާރިސީންގެ ބިޔަ ރަސްކަމުގެ ބައެއްގެ ގޮތުގައެވެ. ފަހެ، އެއިރުވެސް ކުރީއްސުރެން އެބިމުގައި ދިރިއުޅެމުން ގެންދިޔަ ކަންޢާނީންނާއި އާމޫރީންނާއި ޙިއްޠީންނާއި ފިލިސްތީންގެ ޖަމާޢަތްތަކުގެ މީހުން، ނަސްލީގޮތުން މަޑުމަޑުން އެއްބަޔަކު އަނެއްބަޔަކައި ގުޅެމުން އެއް ޤައްމެއްގެ ސިފަ ޖެހެމުންއައި ބައެއްގެ ގޮތުގައި ޔަހޫޒާގައި އުޅެމުން ގެންދިޔައެވެ. މިއެންމެން ވެސް ތިބީ، ފާރިސީ ރަސްކަމުގެ ކިޔަމަންތެރި ރައްޔިތެއްގެ ގޮތުގައެވެ. ދެން ފަލަސްޠީނަށް އައީ ޔޫނާނީންގެ ދައްރެވެ.


ޔޫނާނީންގެ އެރުން:


ޔޫނާން (GREECE) ގެ މަޝްހޫރު، އިސްކަންދަރު މަޤްދޫނީ ނުވަތަ އެލެގްޒޭންޑަރ އޮފް މެސެޑޯނިއާ (ALEXANDER 3 OF MACEDON [ALEXANDER THE GREAT], 20 JUL 356 – 10-11 JUN 323 BC) އަކީ، 336 މކ. އިންފެށިގެން، 323 މކ. ގައި އަވަހާރަ ވަންދެން މެސެޑޯނިއާގެ ގަދަފަދަ ވެގެންވާ ރަސްގެފާނެވެ.


އިސްކަންދަރު މަޤްދޫނީ އަލްއަޢުޒަމް
އިސްކަންދަރު މަޤްދޫނީ އަލްއަޢުޒަމް

އެރަސްގެފާނުގެ ފަތަޙަތައް މަދުދުވަސް ކޮޅެއްގައި ވަރަށް ގިނަކުރެއްވި އެވެ. ރަސްކަމުގެ ހަވަނަ އަހަރުގައި، ފާރިސްކަރައަށް އަރުއްވައި ފާރިސީންގެ އެންމެފަހު ރަސްގެފާނު ދާރިއުސް ތިނެއް (DARIUS 3, 380 – 330 BC) ގެ ލަޝްކަރު ބަލިކޮށް ފާރިސްކަރަ ފަތަޙަ ކުރެއްވިއެވެ.


އަދި މިޞްރު ފަތަޙަ ކުރެއްވުމަށް ލަޝްކަރައިގެން ވަޑައިގެންނެވި މަގުމަތީގައި ޤުދުސް އާއި މުޅި ޔަހޫޒާވެސް ފަތަޙަ ކުރައްވައި މެސެޑޯނިއާ ރަސްކަމުގެ ގަވަރނަރުން އެތަންތަނަށް ހަމަޖެއްސެވިއެވެ. އަދި މިޞްރަށް އެރުއްވުމުގެ ކުރިން ޞޫރުޝަހަރު ވަށާ (SIEGE OF TYRE, 332 BC) ލެއްވިއެވެ. އެއީ އޭރު ފީނިޤީންގެ (PHOENICIA) މަޝްހޫރު އައްސޭރި ޝަހަރެކެވެ. އެއީ މިހާރު ލެބްނާންގެ ރަށެކެވެ. ހަމަ މިއަހަރު މިޞްރު ވެސް ފަތަޙަ ކުރެއްވިއެވެ.


ފަހެ، ފާރިސީން ބަލިވުމުން، އަނަޓޯލިއާ (ANATOLIA) އާއި ސޫރިޔާ (SYRIA) އާއި ފިނީޤިއްޔާ (PHOENICIA) އާއި ޖޫދާ ނުވަތަ ޖޫދިޔާ (JUDAH [JUDEA]) އާއި ޣާޒާ (GAZA) އައި މެސެޕޮޓާމިއާ (MESOPOTAMIA) މިރަށްތައް އެލެގްޒޭންޑަރ ދަ ގްރޭޓްގެ ބާރުގެ ދަށަށް ދިޔައީއެވެ. މިފަތަޙައަށް ފަހު، އެބިމުގެ އަހްލުވެރިންގެ މަޤާމް ލިބިގެންދިޔައީ ހެލެނިސްޓިކް (HELLENISTIC) މެސެޑޯނިއަނުންނާއި ޔޫނާނީން ނަށެވެ. ނުވަތަ ގްރީކުންނަށެވެ.


އަދި ރަސްކަން އޭޝިއާއަށް ފުޅާވެ އިންޑިއާ ވެސް، 331 މކ. ގައި ފަތަޙަ ކުރެއްވިއެވެ. ޢަރަބިކަރައައި ހަމައަށް ނުދެވި އުޅެނިކޮށް ވަރަށް ޒުވާންކަމުގައި އެންމެ، 32 އަހަރުގައި އެލެގްޒޭންޑަރ ބާބިލްގައި މަރުވީއެވެ. ފަހެ، ހެލެނިސްޓިކް ޙަޟާރަތާއި ބޭޒަންތީން ރަސްކަން (BYZANTINE EMPIRE) ވުޖޫދު ވެގެންދިޔައީ ޔުނާނީ ޘަޤާފަތުގެ ތެރެއިންނެވެ. އަހަރުތަކެއް ވާންދެން ޔަހޫޒާގެ އަހްލުވެރިން ޔޫނާނީންގެ އަޅުވެތި ކަމުގައި، ވަރަށް ނިކަމެތި ޙާލުގައި އުޅުނެވެ.


އާދެ! ހެލެނިސްޓިން ރަސްކަމުގެ (HELLENISTIC KINGDOM, 323 – 63 BC) ދުވަސްވަރު ގުނެނީ، ޔޫނާނީ މެސެޑޯނިއާގެ ވަރުގަދަ ރަސްގެފާނު އެލެގްޒޭންޑަރ ދަ ގްރޭޓް އަވަހާރަ ވީއްސުރެ ހެލެނިސްޓިކް ރަސްކަން ނިމެންދެންނެވެ. ރޯމަނުންގެ ފެށުމާ ހަމައަށެވެ.


ފަހެ، މިދުވަސްވަރަކީ، ހެލެނިސްޓިކް ރަސްކަމުގެ ޒަމާނެވެ. އެއީ އެލެގްޒޭންޑަރގެ މަރުވުމާ ހަމައިން ފެށިގެން، ޙަޝްމޫނިއަން ރަސްކަން (HASMONEAN KINGDOM, 140 – 37 BC) ނިމެންދެނެވެ. ޔޫނާނީންގެ ދައްރު ކަމުގައި މިބެލެވެނީ، އެލެގްޒޭންޑަރގެ ދުވަސްވަރާއި ހެލެނިސްޓިކުންގެ ދުވަސްވަރާއި ޙަޝްމޫނީންގެ ދުވަސް ވަރަށެވެ.


ހެލެނިސްޓިކް ރަސްކަމުގައި މިޞްރުގައި އޮތް، މަމްލަކަތު މަޠްލީމިއްޔާ، ޓޮލިމޭކް އެންޕަޔަރ (PTOEMAIC EMPIRE, 305 – 30 BC) އާއި ޤުދުސްގައި އޮތް، ސަލޫޤީންގެ އެންޕަޔަރ (SELEUCID EMPIRE, 312 – 63 BC) ހިމެނެއެވެ. ސަލޫޤިއްޔާ (SELEUCIA) އަކީ، ޢިރާޤްގައި އޮންނަ ދިޖްލަކޯރު އައްސޭރި ރަށެއް ކަމުގައިވާ، ސަލޫޤީން އުޅުނު ޝަހަރެވެ.


ފަހެ، އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޖެނެރަލެއް ކަމުގައިވާ، ލެއޯމެޑޮން އޮފް މީޓިލެން (LAOMEDON OF MYTILENE) ސޫރިޔާގެ ގަވަރުނަރ އަކަށް ހުރެ އެލެގްޒޭންޑަރ މަރުވުމުން، ސޫރިޔާ އާއި ޤުދުސް، 323 މކ. ގައި، އޭނާގެ ލަޝްކަރުގެ ދަށަށް ގެނެސް ޤުދުސް އަތުލިއެވެ. އެހެނަސް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހެލެނިސްޓިކް ރަސްކަމުގެ ދަށުގައި މިޞްރުގައި އޮތް، ޓޮލިމޭކް ރަސްމަކުގެ (PTOLEMAIC KINGDOM, 305 – 30 BC) ރަސްގެފާނު، ޓޮލިމީ އެކެއް (PTOLEMY 1, SOTER 1, 367 – 283 BC) ގެ ލަޝްކަރުން ޤުދުސް ހިފިއެވެ. މިރަސްގެފާނު ރަސްކަމުގައި، 323 އިން ފެށިގެން، 283 މކ. އައި ހަމައަށް ހުންނެވިއެވެ.  އަދި އަމިއްލައަށް މިޞްރުގެ ފިރްޢައުނެއް ކަމުގެ ލަޤަބް ލިބިގަތެވެ.


އަދި، 320 މކ. ގައި ސޫރިޔާ އާއި ޤުދުސް އަށް، އެރަސްކަމުގެ މަޝްހޫރު މެސެޑޯނިއަން ޖެނެރަލެއް ކަމުގައިވާ، ނިކަނޫރު (NICANOR) ގެ ޤިޔާދަތުގެ ދަށުގައި ޢަސްކަރީ ލަޝްކަރުތައް ފޮނުވައިގެން ހަނގުރާމަކޮށް، ލެއޯމެންޑް އަތުލައިގަނެ ހިފައި ހައްޔަރުކޮށް، މިޞްރަށް ގެނެސް ޖަލަށް ލައި ހައްޔަރުގައި ބެހެއްޓިއެވެ.


މިހާ ހިސާބުން، މިޞްރީންގެ ޓޮލިމޭކް ރަސްކަމުގެ ދަށަށް ޤުދުސް ދިޔައެވެ. މުއައްރިޚުން، ޓޮލިމޭކް ރަސްކަމަށް ޢަރަބި ބަހުން، ދީފައިވާ ނަމަކީ، “އަލްމަމްލަކަތުލް ބަޠްލަމިއްޔާ” އެވެ. މިރަސްކަން ނިމުމަކަށް ގެނައީ، ރޯމަނުން މިޞްރަށް އަރައި ރަސްގެފާނު، ކިލޮޕަތްރާ ހަތެއް (CLEOPATRA 7 PHILOPATOR, 69 – 30 BC) މަރާލުމަށް ފަހު، މިޞްރު ހިފުމުންނެވެ. ކިލޮޕަތްރާ ހަތެއް، މިރަސްގެފާނަކީ، ޤަދީމީ މިޞްރުގެ އެންމެ ފަހުގެ ފިރްޢައުނެވެ. އިސްލާމީ ފަތަޙައައި ހަމައަށް، މިޞްރުގައި ޔޫނާނީ ހެލެނިސްޓިކް ޘަޤާފަތް ރޯމަނުން (ROMAN) ނާއި ބޭޒަންތީން (BYZANTINE) ދުވަސްވަރުގައި ވެސް ދެމި އޮތެވެ.


އާދެ! މެސެޑޯނިއާގެ ހެލެނިސްޓިކް ރަސްކަމުގެ އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޖެނެރަލެއް ކަމުގައިވާ، އަންތިޤޫނުސް (އަލްއަޢުވަރު) އެކެއް (ANTIGONUS 1 [MONOPHTHALMUS] “Antigonus the one eyed”, 382 – 301 BC) ޓޮލިމޭކް މިޞްރީންގެ އަތުން ސޫރިޔާ އާއި ޤުދުސް، ހަނގުރާމަކޮށް އަތުލިއެވެ. މިނާއަކީ އެއްލޮލުގެ އަހްލު ވެރިއެކެވެ. އެންޓިގްނޭސް ދަރިކޮޅުގެ ވެރިކަން، 306 އިން ފެށިގެން، 168 މކ. އަށް ދެމިއޮތެވެ.


އެހެނަސް، 312 މކ. ގައި އަނެއްކާވެސް ޓޮލިމޭކް މިޞްރީން އަނބުރާ ޤުދުސް ހިފީއެވެ. އެހެނަސް، އަންތިޤޫނުސް ލަޝްކަރުން ބާބިލް ހިފައި ބާބިލްގައި ސަލޫޤީ ރަސްކަމެއް (SELEUCID EMPIRE, 312 – 63 BC) ޤައިމް ކުރިއެވެ. އަދި، 200 މކ. ގައި ޤުދުސްޝަހަރު ސަލޫޤީ ރަސްކަމުގެ ދަށަށް އެކުގައި ދިޔައެވެ.


ނަބަޠީންގެ އެރުން:


މިލިޔިމުގެ އެތައް ތަނެއްގައި ފަލަސްޠީނުގެ އަޞްލު އަހްލުވެރިންނަކީ، ޢަރަބި މުސްލިމުން ކަމުގައި ދެންނެވިފައި ވާނެއެވެ. އަދުގެ ޢަރަބީންގެ ކާބަފައިން، ދާއޫދުގެފާނާއި ސުލައިމާނުގެ ފާނުގެ ރަސްކަމުގެ ތަޚްތު ސާބިތުކޮށްދީ ވަރުގަދަކޮށް ދިނުމުގައި ވަރަށް އިސް ރޯލެއް އަދާކޮށްދީފައި ވެއެވެ. ފަލަސްޠީނުގެ ތާރީޚުގައި ވަރަށް އަލިގަދަކޮށް އޭރުގެ މުސްލިމުން އަދާކުރިރޯލް ފާހަގަ ކުރެވިފައި ވެއެވެ. އެދުވަސްވަރުގެ އެހެން ދައްލަތްތައް އަމިއްލަ މުސްތަޤިއްލުކަން މަތީގައި މިނިވަންކޮށް ދެމިއޮތް ފަދައިން، އިސްލާމްދީން އައުމުގެ ކުރިން، ޢަރަބި މުސްލިމުންގެ ދައުރަކީ ވެސް، ލާމަޘީލު ދައުރެކެވެ.


އެހެނަސް އެޒަމާނުގެ މުސްލިމުންގެ ޙަޟާރަތާއި ތާރީޚުލިޔުމުގައި އިސްލާމީ މުއައްރިޚުން އިހްމާލުވެފައި ވާތީ، ފަނޑުވެގެން ގޮސްފައި ވަނީއެވެ. ދުނިޔޭގައި ގިނައިން ލިޔެވިފައި ހުރީ، މުސްލިމުން ނޫން މީސްމީހުންގެ ތާރީޚެވެ. މި ސަބަބާހުރެ ތަންތަނާ ބެހޭގޮތުން ލިޔެވިފައި ހުރި ތާރީޚުގައި މުސްލިމުންގެ ބައިތައް ވަނީ، މަދުވެގެން ގޮސްފައެވެ. ހަގީގަތުގައި ގެއްލިފައެވެ.


ޙަޤީޤަތަކީ، ޔަހޫދީއެކިއެކި ދައްލަތްތައް ފަލަސްޠީނުގައި ދެމިގެންދިޔަ ފަދައިން، މުސްލިމުން ވެސް އެބިމުގައި ޒަމާނުއްސުރެ އަމިއްލަ ވަންތަކަމާ އެކު ދެމިގެން އައިސްފައިވާ ކަމެވެ. މީގެ އެންމެ ގަދަފަދަ ހެއްކަކީ، ޢަރަބިކަރައިގެ ޢަރަބި މުސްލިމުންނާއި ޝާމްކަރައިގެ މުސްލިމުންނައި ދާއިމީ ގުޅުންތައް ދެމިއޮތް ކަމެވެ. އަދި ޢަރަބި ކަރައިގެ ޢަރަބި މުސްލިމުން ޝާމްކަރައިގައި ދައްލަތެއް ޤައިމުކުރި ކަމެވެ.


ފަހެ، އެކަން ފާޅުގައި ހިންގާފައި ވަނީ، އިސްލާމްދީން އައުމުގެ، 8 ޤަރުނު ކުރީގައެވެ. ފަލަސްޠީނުގައި މުސްތަޤިއްލު އަމިއްލަ މިނިވަން ދައްލަތެއް ޤައިމުކުރި ޢަރަބިންނަކީ، ޢަރަބިކަރައިގެ އުތުރުގައި ދިރިއުޅެމުން ގެންދިޔަ ޢަރަބި ދަރިލޮޅެއްގެ ބައެކެވެ. މިމީހުން ސޫރިޔާގެ ބިމުގައި އަލްބަތްރާ ޝަހަރުގައި ވެރިކަމެއް ޤައިމުކޮށް ބަތްރާއަކީ އެމީހުންގެ ވެރިރަށަށް ހެދިއެވެ. މިސަރަޙައްދުގައި ވަރުގަދަ ޙަޟާރަތެއް ބިނާކުރިއެވެ. މިދަރިކޮޅަށް ތާރީޚުގެ ޢިލްމުގައި ދެވިފައިވާ ނަމަކީ، ނަބަޠީން (NABATAEANS) ނެވެ.


އަންބާތު ޝަޢަބު، ނޫނީ ރައްޔިތުންނަކީ ނަބަތީދަރިޅުގެ ޤަދީމީޢަރަބި ދަރިކޮޅެކެވެ. ނިސްބަތް ވަނީ، ނަބަޠު ބިން އިސްމާޢީލް އަށެވެ. މިއީ އިސްމާއީލްގެފާނުގެ ދަރިފުޅެކެވެ. ހަގީގަތުގައި ނަބަޠީންނަކީ ޖުރްހަމް ވަންހައިގެ މުސްލިމް އަރަބިދަރިކޮޅުން އައި ނަސްލެވެ. އެއީ އިބްރާހީމްގެފާނުގެ ޒަމާނުގައި މައްކާގައި އަލަށް އާބާދުވި ޔަމަނުކަރައިގެ ދަރިކޮޅެކެވެ.


ޔަމަނުގެ މިޤަބީލާއަކީ މައްކާގެ ބިމުގައި ހާޖަރާއި އިސްމާއީލްގެ ފާނު ޒަމްޒަމްއާރުގެ ފެން ހުއްޓުމެއް ނެތި ބެހެމުން ދިއުން ހިފޭއްޓުމަށް ހިލަކޮޅުތައް ޖަމާކޮށް، ޖައްސަމުން ގެއްދަނިކޮށް އެހިސާބަށް، މިހާރުގެ މައްކާގެ އެ ސަރަހައްދަށް ފެންއޮތުމުގެ ސަބަބުން ޖައްވުގައި އުދުހެމުން ދިޔަ ދޫނިތަކަކަށް ބަލައިގެން އެންމެ ކުރިން ގާތްކުރި ވިޔަފާތުވެރި ޖަމާޢަތެވެ.


އޭރު އެދެމައިން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ފެންގަނޑު ހެސްކިޔާފައި ފެތުރެމުން ދާތީ ހިފޭއްޓެވުމަށް، ޒަމްޒަމް އޭ ވިދާޅުވަމުން ފެންގަނޑު ބެހުނަނުދީ ހިފޭއްޓުމުގެ މަސައްކަތެވެ. ޒަމްޒަމްގެ މާނައަކީ، "ހުއްޓޭހުއްޓޭ" ށެވެ. ދެން މިޖަމާޢަތުން ހާޖަރުގެ ހުއްދައާ އެކު އެތަނުގައި ވަޒަންވެރި ވީއެވެ.


އަދި އިސްމާޢީލްގެފާނު ބޮޑުފުޅުވެ ފުރާވަރުގެ އުމުރަށް އެޅުމުން ކައިވެނިފުޅު ބައްލަވައިގަތީ އެބިމުގައި ވަޒަންވެރިވި ގަބީލާގެ ސަރުދާރުގެ ދަރިކަނބަލުންނާއެވެ. އިސްމާޢީލްގެފާނަށް ލިބިލެއްވި ދަރިކަލުންނަށް ކިޔުއްވި ނަންފުޅަކީ ނަބަޠް އެވެ. އަންބާޠުގެ އަސްލަކީ، އަދި ފެށުމަކީ މިދެންނެވުނު ނަބަޓް އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.


އާދެ، އެދަރިކޮޅުން ދެމިގެން އައި މީހުން އުފެއްދި މުސްލިމް ދައްލަތުގެ ނަމަކީ، “އަލްމަމްލަކަތުއް ނަބަޠިއްޔާ” (NABATAEAN KINGDOM, 168 – 106 BC) އެވެ. މިދައްލަތް ރަސްމީކޮށް އުފެދުމުގެ ކުރިން ވެސް މިދަރިކޮޅު މީހުންނައި ސޫރިޔާގެ އެސަރަޙައްދުގެ މީހުންނައި ގަދަފަދައަށް ގުޅުން އޮވެއެވެ.


ނަބަޠީރަސްކަން ކުރި ސަރަހައްދު
ނަބަޠީރަސްކަން ކުރި ސަރަހައްދު

ގާތްގަނޑަކަށް، 312 މކ. ގައި ނަބަތީންނާއި ސޫރިޔާގެ ބަތްރާ (PETRA) ޝަހަރުގައި ސިޔާސީ ނުފޫޒު ޤައިމްކުރި ބައެކެވެ. އެޒަމާނުގައި ސޫރިޔާގައި ގަވަރުނަރަކަށް ހުރި އެއްލޮލުގެ އަހްލުވެރިޔާ، އަންތިޤޫނުސް އެކެއް (ANTIGONUS 1) ދެފަހަރެއްގެ މަތީން ނަބަޠީންނައި ހަނގުރާމައަށް ލަޝްކަރުތައް ފޮނުވިއެވެ.


އެހެނަސް ސޫރިޔާއިން ނަބަޠީން ބޭރުކޮށްލެވި ފައެއް ނެތެވެ. އެމީހުން އެބިމުގައި ދެމިތިބީއެވެ. ތަވުރާތުގައި ނަބަޠީންގެ ނަން ގަނެވިފައިވެއެވެ. ނަބާޠީންގެ ރަސްކަމުގެ ވެރިރަށަކީ، ބަތްރާއެވެ. މިހާރު މިރަށަކީ، ޖޯރަޑަންގެ މަޢާން ގަވަރނޭޓްގެ ރަށެކެވެ. މިރަށަކީ ނަބަޠީން ބިނާކުރި ރަށެކެވެ. ހިލަކަނޑައިގެން ޢިމާރަތް ކުރުމަށް ބޭނުންހިފާފައިވާ ވަރަށް ފަންނީ ޝަހަރެކެވެ. ޔުނެސްކޯއިން އާޘާރީރަށެއްގެ ގޮތުގައި ޙިމާޔަތް ކުރުމަށް އަންގާފައިވާ ޝަހަރެކެވެ. މިހާރުވެސް ޖޯޑަންއަށް ދަތުރުކުރާ ދަތުރުވެރިން އެންމެ ގިނައިން ޒިޔާރަޔްކުރާ ރަށަކީ މިއެވެ.


ބަތްރާގައި ނަބަޠީން ދިރިއުޅުނު އާޘާރީ ތަނެއް
ބަތްރާގައި ނަބަޠީން ދިރިއުޅުނު އާޘާރީ ތަނެއް

އާދެ! ޢަރަބި ނަބަޠީންނަކީ، “އަލްއަންބާޠުލް ޢަރަބް” މިނަމުން މަޝްހޫރުވި ބައެކެވެ. އިސްލާމީ މުއައްރިޚެއް ކަމުގައިވާ އިމާމުއްޠަބަރީގެ ތާރީޚްފޮތުގައި ލިޔުއްވާފައިވާ ގޮތުން ނަބާޠީންނަކީ، އަލްނަބީޠްގެ ދަރިކޮޅެވެ. މިއީ ނޫޙްގެފާނުގެ ދަރިކަލުން، ސާމްގެ ދަރިކަލުން، އިރަމްގެ ދަރިކަލުން، މާޝްގެ ދަރިކަލުން، ނަބީޠްގެ ދަރިކޮޅެވެ. ޢަރަބިކަރައިގެ މިދަރިކޮޅަކީ، ނޫޙްގެފާނަށް މުނިކާފަ ވިދާޅުވާ، މާޝްގެ ދަރިކޮޅެވެ. ތާރީޚުއްޠަބަރީގެ ފުރަތަމަ ޖިލްދު ބައްލަވާށެވެ.


ޔޫނާނުގެ ފަލްސަފާވެރި މުއައްރިޚެއް ކަމުގައިވާ، ސްޓްރަބޯ (STRABO, 64 or 63 BC – 24 AD) ލިޔުއްވާފައި ވަނީ، މިފަދައިންނެވެ.


“ނަބަޠީންނަކީ، ގަދަފަދަ މަސައްކަތްތެރި ބައެކެވެ. އާމްދަނީ ހޯދުމާއި ދިރިއުޅުމަށް ވަރަށް ކުޅެދިގެންވާ މުރާލި ރައްޔިތެކެވެ. އަދި ހުރިހާ މަސައްކަތެއް ތިޖާރަތާއި ޒިރާޢަތުގެ މައްޗަށް ބިނާކުރި، މަތިވެރި ވެގެންވާ ބައެކެވެ.”


ފަހެ، ނަބަޠީންނަކީ، މަތީ ދަރަޖައަކަށް ޤަދީމީ ޢަރަބިބަސް ރައްކާތެރި ކުރިބައެކެވެ. އަދި އެބަސް ލިޔެކިޔުމަށް ގެނައި ބައެކެވެ. ނަބަޠީން ބޭނުންކުރި ޢަރަބިބަސް، ލިޔެފައި ހުންނަގޮތުން އެންމެ ވައްތަރީ، ޢަރަބިލިޔާ ވައްތަރެއް ކަމުގައިވާ، ރުޤްޢާ ލިޔުމުގެ ވައްތަރަކާ އެވެ. މިބަހަށް ނަންދެވިފައި ވަނީ، ” އިސްލާމްދީން އައުމުގެ ކުރިން ނަބަޠީން ބޭނުންކުރި ރުޤްޢާ ލިޔުން” މިގޮތަށެވެ. މިވާހަކަ މިގޮތަށް “ދާއިރަތުލް އިސްލާމިއްޔާ” ގެ ތިންވަނަ ޖިލްދުގައި، މި މާނާގައި ގެންނަވާފައި ވެއެވެ.


ނަބަޠީންނަކީ، ޖަނަވާރު ހުއިހައްޕާއި ތިޖާރަތުގައި ވަރަށް ފުންނާބު އުސް ބައެކެވެ. މިމީހުންގެ ވެރިރަށް، ބަތްރާއަށް އެޒަމާނުގައި އިންތިހާ ޚާއްސަ ދަރަޖައެއް ލިބިފައި ވަނީ، ޢަރަބި ޖަޒީރާއާއި މިޞްރާއި ސޫރިޔާ އާއި އަދި ވެސް އެހެން ތަންތަނާއެކު އޮތް ވިޔަފާރީގެ މުއްސަނދި ކަމުންނެވެ. ފިޔަފާރީގެ ގުޅުމުންނެވެ. މިސަބަބާ ހެދި ބަތަރާއަކީ، އެޒަމާނުގައި ވަރަށް ކުރިއެރި ތަނަކަށް ވިއެވެ.


އެންސައިކްލޯޕީޑިއާ އޮފް އިސްލާމް ގައި ބުނެފައި ވެއެވެ!


“ޤަދީމީ ދުވަސް ވަރުންސުރެ، އިރުމަތީ ތިޖާރަތުގައި ނަބަޠީންނަކީ މުދާވެރިވެގެންދިޔަ ވަރަށް ސައުދާގަރު ބައެކެވެ. އެބައިމީހުންގެ ޤާފިލާތައް ޤަދީމީ ދުނިޔޭގެ ހުރިހާ ތަންކޮޅުތަކަށް ފޯރިއެވެ. ރޯމްކަރައަށް ވެސް ގޮސްހެދި އެވެ.”


މިއަދުވެސް ޖޯރޑަންގެ އެ ސަރަޙައްދު ފާހަގަކުރެވިފައި ވަނީ، މަތީދަރަޖައެއްގެ ޙަޟާރަތެއް ލިބިގެންވި ބަޔަކު ދިރިއުޅެފައިވާ ތަނެއްގެ ގޮތުގައެވެ. މިރޮނގުން އެތަނުގެ ޤަބުރުސްތާނު ތަކާއި އަޅުކަންކުރުމަށް ބިނާ ކުރެވިފައިހުރި ތަންތަނާއި ގަލުގެ ފާލަންތަކާއި ފެންދަތުރު ކުރުމުގެ ނިޒާމަށައި އެހެނިހެން ޢާއްމު މަސައްކަތް ތަކަށް ބަލާލުމުން އެކަން ފާހަގަވެގެން ދާނެއެވެ. ބަތްރާގެ ބޮޑެތި ބިނާތައް ކަނޑާނެގިފައި ހުންނަނީ ހިލަޔާއި ގަލުންނެވެ. އެޢިމާރަތް ތަކުގައި ރީތީކަނޑާނެގުންތައް ބިންވަޅު ނަގައިގެން ކުރަހާފައި ހުރެއެވެ.


ނަބަޠީންގެ ރަސްކަމުގެ ސަރަޙައްދު ދެމިގެން ދިޔައީ ސީނާ ސަޙަރާއިން ޢަރަބިކަރައައި ދޭތެރޭގައެވެ. އުރުތުން ޖޯރޑަން އަށާއި ފަލަސްޠީނަށެވެ. މިސަރަޙައްދު ގައި ހިނެމިގެން ދިޔަ ރަށްތަކަކީ، ބަޞްރާ (BOSRA) އާއި މަދައިންޞާލިޙް (MADAIN SALEH) އާއި ތަލްނިޒާނާ (NITZANA) އެވެ. އަދި ފަލަސްޠީނުގެ އިރުމަތީންނާއި ދެކުނުން ބަޔަކަށެވެ. އަދި ދެފަހަރެއްގެ މަތިން ދަމިޝްޤަށް އެރިއެވެ. ފުރަތަމަ ފަހަރު، 85 މކ. ގައެވެ. ދެން، 62 އާއި 34 މކ. ގައެވެ.


ނަބަޠީން ފުރަތަމަ ކޮޅުގައި ގުޅުނު ބަޔަކީ، ހެލެނިސްޓިކް ސަލޫޤީ އެންޕަޔަރގެ ދަށުގައި އޮތް މުކާބީން (MACCABEES) ގެ ދައްލަތާއެވެ. މުކާބީންނަކީ، ޖޫދިޔާގެ ކޮންޓުރޯލް ހޯދުމަށް ނުކުތް، ޔަހޫދީ ޢަސްކަރި ލީޑަރުންތަކެއްގެ ޖަމާއަތެކެވެ. ހަނގުރާމަވެރި ޔަހޫދީ ދަރިކޮޅެކެވެ. އެދުވަސްވަރު ޖޫދިޔާއޮތީ، ސަލޫޤީ އެންޕަޔަރ (SELEUCID EMPIRE) ގެ ދަށުގައި ސަލޫޤީ ޕްރޮވިންސެއްގެ ގޮތުގައެވެ.


ފަހެ، މުކާބީންނަކީ، ޙަޝްމޫނީން (HASMONEAN) ދަރިކޮޅުގެ އުފެދުމެކެވެ. ޔަހޫދީންގެ ޙަޝްމޫނީ މިދަރިކޮޅު (HASMONEAN KINGDOM, 140 – 63 BC) ގެ ރަސްރަސްކަލުން، 63 މކ. އައި ހަމައަށް ފަލަސްޠީނުގައި ރަސްކަން ކުރިއެވެ. ޔޫނާނީންގެ ހެލެނިޒަމް (HELLENISM) އާއި ހެލެނިސްޓިކް ޖުޑޭޒިއަމް (HELLENISTIC JUDAISM) ގެ ނުފޫޒާއި އަސަރުތައް ޖޫދިޔާއަށް ވެރިވުމަށް ފަހު، ޖޫދިޔާއިން އެ އަސަރުތައް ދަށްކުރުވި ބަޔަކީ މުކާބީންގެ ޙަޝްމޫނީންނެވެ.


ފަހެ، ޙަޝްމޫނީންނަކީ، ބަނީ ސުލައިމްގެ ޔަހޫދީ ވަންހައެކެވެ. މަޝްހޫރުވެފައި ވަނީ، ސުއްލާމީން “ސުއްލާމިއްޔީން” ގެ ގޮތުގައެވެ. މިއީ ރަސްކަލުންނަށް ކިޔާއުޅުނު ލަޤަބެކެވެ. މިގުޅުން ނަބަޠީންނައި ޤައިމުވެގެން ދިޔައީ ސަލޫޤީންނައި ހަނގުރާމަ ކުރުމަށެވެ.


އަދި ރޫމީންގެ ރަސްކަލެއް ކަމުގައިވާ، ޕޮންޕޭ ދަގްރޭޓް (POMPEY THE GREAT) ގެ ފަރާތުން އަންނަމުން ދިޔަ، ހަނގުރާމަވެރި ދުއްތުރާތަކާއި ސިޔާސީ އުނދަގޫތަކާއި އިޖްތިމާޢީ ހުރަސްތަކާ ގުޅިގެންނެވެ. ޕޮންޕޭއަކީ، (GNAEUS POMPEIUS MAGNUS, 29 SEP 106 – 29 SEP 48 BC) ރޯމަން ރިޕަބްލިކް (ROMAN REPUBLIC) ގެ ޢަސްކަރީ، އަދި ސިޔާސީ ވަރަށް ވަރުގަދަ ލީޑަރެކެވެ. ދިގު މުއްދަތަކަށް ރޫމީ ރަސްކަމުގެ ކޮންސުލް (CONSUL) ކަން ކުރެއްވި ވަރަށް ޤާބިލް ބޭފުޅެކެވެ.


ނަބަޠީންނާއި ޙަޝްމޫނީންގެ މިގުޅުމުގެ ސަބަބުން ސަލޫޤީންގެ ދަށުނުވެ، މިނިވަންކޮށް ތިބެވުނެވެ. ޙަޝްމޫނީންގެ މިދައުލަތް ނިމުމަކަށް ގެނައީ ރޯމަނުން އަރައެވެ.


އާދެ! މިގޮތުގެމަތީން ނަބަޠީން ފަލަސްޠީނުގައި، 200 މކ. އިން ފެށިގެން ހިނގި އަހަރުތަކުގައި ވަރުގަދަ ތިޖާރަތީ ބާރެއްގެ ގޮތުގައި ޔޫނާންއާއި ރޯމަނުންނާ އެކު ވިޔަފާރީގެ ގާތް ގުޅުމެއް އޮތެވެ. އަދި ފަލަސްޠީންގެ ދަރިކޮޅުތަކުގެ މައްޗަށް ގަދަނުފޫޒެއް ހިންގިއެވެ. ޖޫދިޔާ ކައިރީގައި އިންވެގެން އޮންނަ އިދޫމިއާ (IDUMEA) އަތުލިއެވެ. އިރުމަތީ ޖޯރޑަނުން ބަޔަކާއި ފަލަސްޠީނުން ބައެއްގައި ޤައިމުވެ ތިއްބެވެ.


ހެލެނިސްޓިކް ގްރީކުންގެ ގަދަ ޙަމަލާތައް ހެސްކިޔާފަ ދެމުންދިޔަ އިރުވެސް ނަބަޠީން އެސަރަޙައްދުން އެކުގައި ބޭރުކޮށްލެވޭ ގޮތެއް ނުވިއެވެ. އެހެނަސް ނަބަޠީން ދަމިޝްޤުން ބޭރުކޮށް ލިއެވެ. އެނޫން ސަރަޙައްދު ތަކުގައި ރޯމަނުންނަށް ޖިޒީ ދައްކައިގެން އެބިމުގައި ދެމިތިބީއެވެ.


އެހެނަސް، ނަބަޠީންނަށް ޙަޝްމޫނީ ޔަހޫދީން އުނދަގޫތައް ހެސްކިޔާފަ އަބަދުވެސް ފޯރަމުން ދިޔައެވެ. ދާއިމީ ހަނގުރާމައެއް ގޮތުގައި މިއީ ދެމިގެންދިޔަ ފިނި ހަނގުރާމަ އެކެވެ. ޙަޝްމޫނީ ރަސްގެފާނު އެލެގްޒޭންޑަރ ޔަނައިސް (ALEXANDER JANNAES [JANNAI/YANNAI], 103 – 76 BC) ގެ ނުފޫޒުން ނަބަޠީން ޔަހޫދީ ދީނަށް ވެއްދޭތޯ ގިނަގުނަ މަސައްކަތް ތަކެއް ރާވައިގެން ހިންގިއެވެ. ފަހަކަށް އައިސް ނަބަޠީންނައި ވަރުގަދައަށް ހަނގުރާމަ ވެސް ކުރިއެވެ.


ނަބަޠީންގެ ދެރަސްކަލުން ކަމުގައިވާ، މާލިކޯސް އެކެއް (MALICHUS 1, 59 – 30 BC) އާއި ޢުބައިދާތް ތިނެއް (OBODAS 3, 30 – 9 BC) 37 އިން ފެށިގެން، 4 މކ. ގައި ޔަހޫޒާގައި ރަސްކަން ކުރެއްވި، ހީރޫދީސް ދަ ގްރޭޓް (HEROD THE GREAT [HEROD 1], 74/73 – 4 BC) އައި ހަނގުރާމަ ކުރިއެވެ.


އަދި ނަބަޠީންގެ އެހެން ރަސްކަލެއް ކަމުގައިވާ، ޙަރީޘަތް ހަތަރެއް (ARETAS 4) 6 މކ. އިން ފެށިގެން، 39 މ. ގައި ޔަހޫޒާގައި ރަސްކަން ކުރެއްވި، ހީރޫދީސް އެންޓިޕާޓަރ (HEROD ANTIPARTER, 20 BC – 39 AD. “nickname, ANTIPAS”) ގެ މައްޗަށް ހަނގުރާމަކޮށް ނަޞްރާއި ފަތަޙަ ހޯދިއެވެ.


ފަހެ، މިދުވަސްވަރު ނަބަޠީން ގެންދިޔައީ ރޯމަނުންނައި ވަރަށް ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި ޔަހޫދީންނައި ދެކޮޅަށް ރޯމަނުންނަށް އެހީތެރިވެ ދެމުންނެވެ. މިކަމާހެދި، ޔަހޫޒާގެ ޔަހޫދީންގެ ކިބައިން ނަބަޠީންނަށް ހުރަސްތަކާއި ނުރުހުންތައް ހެސްކިޔާފަ އޮހެމުން ދިޔައެވެ.


މިދުވަސްވަރު ނަބަޠީން ތިބީ ހުރިހާ ދިމާއަކުން ވެސް ހަނގުރާމައާ ކުރިމަތިވެފަ އެވެ. ރޯމަނުންނާއި ސަޙަރާތެރެއިން އަންނަމުން ދިޔަ، ވަޙުޝީ ޙަމަލާތަކައި އެކުގައެވެ. މިގޮތުގައި ނަބަޠީންގެ ރަސްކަން، 106 މ. އައި ހަމައަށް މުސްތަޤިއްލު ދައްލަތެއްގެ ގޮތުގައި ދެމިއޮތެވެ.


ނަބަޠީ ރަސްކަމުގެ އެންމެ ފަހު، ރަސްކަލަކީ، ރާބިލް ދޭއް (RABEL 2, SOTER, 70 – 106 AD) އެވެ. މިނާގެ ބައްޕައަކީ، ކުރިން ހުންނެވި ރަސްގެފާނު މާލިކޯސް ދޭއް (MALICHUS 2, 40 – 70 AD) އެވެ. ރާބިލްގެ ބައްޕަ މަރުވުމާ ގުޅިގެން، ރާބިލް ރަސްކަމަށް އިސްކުރީ ވަރަށް ކުޑައިރުއެވެ.


އެދުވަސްވަރު ރަސްކަމުގެ ހުރިހާކަމެއް ބެލެހެއްޓެވީ، ރާބިލްގެ މަންމަ، ޝާގިލަތް (SHAQILATH) އެވެ. މީނާއަކީ ވެސް ރަސްކަލެއްގެ ދަރިކަނބަލެކެވެ. ސޯޓަރ (SOTER) މިލަޤަބް “މީހުން ސަލާމަތްކުރާ މީހާ” ލިބިގަތީ ރަސްގެފާނު އަމިއްލަ ފުޅަށެވެ. ރާބިލް ރަސްގެފާނު މަރުވުމަށް ފަހު، ރޯމަނުންގެ، 13 ވަނަ ރަސްގެފާނު، ތްރާޒާން (TRAJAN, 18 SEO 53 – 8 AUG 117 AD) ނަބަޠީންގެ ވެރިރަށް ބަތްރާއަށް އަރައި، ނަބަޠީންގެ ޤައްމިއްޔަތު، 22 މާރޗް 106 މ. ގައި  ނިމުމަކަށް ގެނައީއެވެ. މުޅި އެސަރަޙައްދު އެކުގައި ރޯމަނުންގެ ދަށަށް ގެނައީއެވެ.


އާދެ! މިއަށް ފަހު، ނަބަޠީންގެ ބިން ހަމަޖެހިގެން ދިޔައީ، ރޯމަން އެންޕަޔަރގެ ޕްރޮވިންސެއްގެ ގޮތުގައެވެ. ނަމަކަށް ވީ، “ޢަރަބި ވިލާޔަތް” (PROVINCIA ARABIA PETRAEA, 106 – 630 AD) އެވެ. ޢަރަބި ބަތްރާ ޕްރޮވިންސު، ވިލާޔަތެއްގެ ގޮތުގައި، 630 މ. އައި ހަމައަށް ދެމިއޮތެވެ. އެއަށް ފަހު ވެސް އެސަރަޙައްދުގެ މީހުންނަކީ، ޢަރަބި މުސްލިމުންނެވެ. މިމީހުން މިއަދައި ހަމައަށް ވެސް މުސްލިމުންގެ ގޮތުގައި ދެމިތިބީއެވެ.


ސޫރިޔާއާއި ފަލަސްޠީނުގައި އޮތް ޢަރަބި ނަބަޠީންގެ ދައްލަތް، މިފަދަ ހިތާމަވެރި ގޮތަކަށް ނިމިގެން ދިޔައަސް ފާހަގަކޮށް ލަންޖެހޭ މުހިންމު ނުކުތާއަކީ، ޢަރަބި މުސްލިމުންގެ ވެރިކަމެއް އެސަރަޙައްދު ގައި ޤައިމުވެފައި އޮތްކަމެވެ. ދެރަވާން ޖެހެނީ، ބައެއްގެ އިހްމާލުން، ދުނިޔޭގެ ތާރީޚުގެ ތެރެއިންނާއި ތާރީޚީ ދިރާސާތަކުން މިބައިތައް ގެއްލިފައި ވާތީއެވެ. ނުވަތަ އެރަށްތަކަށް ވެރިވި ރޯމަނުން އާސާރީ ލިޔުންތަކާއި ލައިބްރެރީތަކާއި މީސްމީހުން އަތުގައި ފޮރުވާފައި ހުރި ފޮތްތަކަށް ދާންދެން އަތުލައި ޤަޞްދުގައި ނަގާލާފައި ވާތީއެވެ. ދެއްކީ އެމީހުން ބޭނުންވާ އެއްޗެކެވެ!


ސަލޫޤީންގެ އެރުން:


ސަލޫޤީ އެންޕަޔަރ (SELEUCID EMPIRE, 312 – 63 BC) އަކީ، ލިވާންޓް ސަރަޙައްދު ގައި، 312 މކ. ގައި އުފެދުނު، ހެލެނިސްޓިކް ޔޫނާނީ ރަސްކަމެކެވެ. މިއީ، އެލެގްޒޭންޑަރ ދަ ގްރޭޓް، މަރުވުމަށް ފަހު، އުފެދުނު ރަސްކަމެކެވެ. މިރަސްކަން ވުޖޫދުކުރީ ސަލޫޤުސް އެކެއް (SELEUCUS 1 NICATOR, 358 – 281 BC) އެވެ.


މީނާއަކީ، އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޢަސްކަރީ ޖެނެރަލެކެވެ. އަމިއްލަ ލަޤަބެއްގެ ގޮތުގައި ހަމަޖެއްސެވީ، ބާސިލަސް (BASILEUS) އެވެ. ބާސިލަސް އަކީ، ރަސްގެފާނު ނުވަތަ އެންޕަރަރ އެވެ. މިއީ ބޭޒަންތީން (BYZANTINE) ރަސްރަސްކަލުން ވެސް ބޭނުންކުރެއްވި ލަޤަބެކެވެ.


ސަލޫޤުސް އެކެއް ރަސްކަމުގައި، 306 އިން ފެށިގެން، 381 މކ. އައި ހަމައަށް ސަލޫޤީ ރަސްކަމުގެ ބާސިލަސް އަކަށް ހުންނެވިއެވެ. ސަލޫޤުސް އެކެއް އޭނާގެ ލަޝްކަރާއެކު ބާބިލަށް އަރައި، 312 މކ. ގައި ބާބިލް ހިފިއެވެ. ބާބިލަށް ފަހު، ދެން ހިފީ، ދިޖްލަކޯރު ކައިރީގައި އޮންނަ ސަލޫޤިޔާ (SELEUCIA) ޝަހަރެވެ. ސަލޫޤީ ރަސްކަމުގެ ވެރިރަށަކަށް ހެއްދެވީ، ސަލޫޤިޔާ އެވެ. ސަލޫޤީ ރަސްކަމަށް ނަން ހަރުވެގެން ދިޔައީ، ވެރިރަށް ސަލޫޤިޔާއަށް ނިސްބަތްކޮށެވެ.


ފަހެ، މިރަސްކަމުގެ ސަރަޙއްދު ލިވާންޓަށް ފެތުރި، އަންޓޯލިއާ އާއި ފާރިސްކަރަ އާއި ޢިރާޤާއި ކުވެއިތާއި މިހާރުގެ ގޮތުންނަމަ، ޕާކިސްތާނާއި އަފްޣާނިސްތާނާއި ޓަރކްމަނިސްތާނާއި އިންޑިޔާއިން ބަޔަކަށް ފެތުރިގެން ދިޔައެވެ. ޔޫނާނީންގެ ހެލެނިސްޓިކް ޘަޤާފަތް ދަމަހައްޓައި ދިން ރަސްކަމަކަށް ވިއެވެ. 200 މކ. ގައި ސަލޫޤީންގެ ފުރިހަމަ ބާރުގެ ދަށަށް، ޤުދުސް ދިޔައެވެ.


ޔަހޫދީ މުކާބީން އުފެދުނީ، ސަލޫޤީން އަތުން ޤުދުސް މިނިވަން ކުރުމުގެ މުޤައްދަސް މަޤްޞަދު ގައެވެ. މުކާބީންނަކީ، ސަލޫޤީންނައި ހަނގުރާމަ ކުރި ޢަސްކަރީ ދަރިކޮޅެވެ. ފުރަތަމަ މުކާބީއަކީ، ޖޫދާ (JUDAH) އޭ ނަމަކަށް ކިޔުނު މީހެކެވެ. މީނާގެ ޢަސްކަރީ ޖަމާޢަތުން، ސަލޫޤީ ރަސްކަލެއް ކަމުގައިވާ، އެންޓިގޯނަސް ހަތަރެއް (ANTIOCHUS 4 EPIPHANES, 215 – 164 BC) އައި ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރިއެވެ. މުކާބީންގެ މިލަޝްކަރުގެ ޤިޔާދަތުގައި ހުރީ، ޖޫދާ މުކާބީ (JUDAH MACCABEUS, 167 – 160 BC) އެވެ، އޭރު ސޫރިޔާ އާއި ފަލަސްޠީނު އޮތީ، އެންޓިގޯނަސް ހަތަރެއްގެ ބާރުގެ ދަށުގައެވެ.


މިދެންނެވި، ޖޫދާ މުކާބީ އަކީ، މަތަތިޔާ (MATTATHIAS BEN JOHANAN, died. 165 BC) އޭ ކިޔުނު ޔަހޫދީ އެދުރެއްގެ ފަސްދަރިންގެ ތެރެއިން، 3 ވަނަ ދަރިކަލުންނެވެ. ޖޫދާ މުކާބީ ޔަހޫދީންގެ އެންމެމަތީ އެދުރަކަށް ހުންނެވީ، 165 އިން ފެށިގެން، 160 މކ. އަށެވެ. މުކާބީ ދަރިކޮޅުގެ ފެށުމަކީ މިއެވެ. ފަހުން ނަބަޠީންނައި ހަނގުރާމަ ކުރެއްވި، އަދި ޤުދުސްގެ ރަސްކަމުގައި، 37 އިން ފެށިގެން، 4 މކ. އަށް އިންނެވި، ހީރޫދީސް އަކީ ވެސް، ޔަހޫދީ މުކާބި ދަރިފަސްކޮޅުން އައި ރަސްކަލެކެވެ.


ސަލޫޤީންނައި މުކާބީ ހަނގުރާމަ ވެރިން، ހަނގުރާމަ ކުރަމުން ގެންދިޔައީ ގެރިއްލާ އުކުޅުތަކުގެ މޮޅު ހަނގުރާމަ އެކެވެ. މިހަނގުރާމަ، 176 އިން ފެށިގެން، 160 މކ. އަށް ކުރެވުނެވެ. ޖޫދާ މުކާބީގެ ބައްޕަ، މަތަތިޔަސް މަރާލީ، ޔޫނާނީ ހެލެނިސްޓިކް ޔަހޫދީއެކެވެ. އެއަށް ފަހު، ހަނގުރާމަ ލީޑްކޮށްދިނީ، ޖޫދާ މުކާބީއެވެ.


މިހަނގުރާމައިގެ ނަތީޖާއަކީ، ޤުދުސް މުކާބީންގެ ދަށަށް ދިއުމެވެ. ހައިކަލަށް ވަދެ ސާފުކޮށް އަލުން އަޅުކަން ކުރަން ފެށީއެވެ. ހައިކަލްގެ އެންމެ އިސް އެދުރަކަށް ހުންނެވީ، ޖޮނަތަން މުކާބީ (JONATHAN MACCABEUS [JONATHAN APPHUS] 152 – 142 BC) މަތަތިޔަސްގެ، 5 ވަނަ ދަރިކަލުންނެވެ. ޖޮނަތަން އަފުސް އަށް އަރަބިބަހުން ކިޔަނީ ޔޫނާޘާން އަލްމުކާބީއެވެ.


އާދެ! ސަލޫޤީ ރަސްކަން ބަލިކަށިވާން ފެށީ، 100 މކ. އިން ފެށިގެންނެވެ. އަދި، 63 މކ. ގައި ސަލޫޤީ ޤައްމިއްޔަތު ނިމި، ރޯމަން އެންޕަޔަރގެ ޕްރޮވިންސެއްގެ ގޮތުގައި ސަލޫޤީންގެ ސަރަޙައްދު ހަމަޖެހިގެން ދިޔައީ، ރޯމަން ރަސްގެފާނު ޕޮމްޕޭ ދަ ގްރޭޓްގެ ބެލުމުގެ ދަށުންނެވެ. ފާރިސީންގެ ޒަމާނާއި ހެލެނިސްޓިކް ޒަމާން ނިމި، ޙަޝްމޫނީންގެ ރަސްކަން ނިމި، ދެން ފެށިގެން ދިޔައީ ރޯމަނުންގެ ޒަމާނެވެ.


ރޯމަނުންގެ އެރުން:


ރޯމަން ރިޕަބްލިކްގެ ރަސްކަމުގެ ކޮންސަލް (CONSUL) އަކަށް ހުންނެވި، ޕޮމްޕީ ދަ ގްރޭޓް، 63 މކ. ގައި ޤުދުސް ޝަހަރު ވަށާލުމަށް ފަހު، މުޅި އެޝަހަރަށް އަރާއި އެކުގައި އަތުލެއްވީއެވެ އަދި ހައިކަލަށް ވެންނެވިއެވެ. އެހެނަސް ރަންރިހީގެ މަޢްދަނުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެއްވައެވެ. އެއަށްފަހު، ހައިކަލް ޙަވާލު ކުރެއްވީ، އެންމެމަތީ ފަންތީގެ އެދުރެއްކަމުގައިވާ، އެންޓިޕާޓަރ އެކެއް، (ANTIPATER 1, d. 43 BC [THE IDUMAEN]) އާއެވެ. ފަހެ، މީނާއަކީ، ހީރޫދީސް ދަ ގްރޭޓްގެ ބައްޕައެވެ. އަދި ހީރޫދީސް ޢާއިލާގެ ބާނީއެވެ. އިދޫމްގެ ރަށްވެއްސެކެވެ. އިދޫމް އޮންނަނީ، ޖޫދާގެ ދެކުނުއިރު ގައެވެ.


މަމްލަކަކަތު އިދޫން (ރަތްކުލައިގާ)
މަމްލަކަކަތު އިދޫން (ރަތްކުލައިގާ)

އާދެ! ރޫމީން އުފެއްދި ރޯމަން އެންޕަޔަރ (ROMAN EMPIRE) ގެ ބާނީއަކީ، އަދި ފުރަތަމަ ރަސްކަލަކީ، އޮގަސްޓަސް (AUGUSTUS, 23 SEP 63 BC – 19 AUG 14 AD) އެވެ. ރަސްކަމުގައި، 27 މކ. އިން ފެށިގެން، 14މ. ގައި މަރުވަންދެން އިންނެވިއެވެ.


ރޫމީރަސްކަމުގެ ބާނީ އަދި ފުރަތަމަރަސްގެފާނު އޮގަސްޓަސް
ރޫމީރަސްކަމުގެ ބާނީ އަދި ފުރަތަމަރަސްގެފާނު އޮގަސްޓަސް

ރޯމަނުންގެ ފަރާތުން، 54 މކ. ގައި ސޫރިޔާގެ ގަވަރނަރަކަށް ބަހައްޓަވާފައި ހުރީ، މާކުސް ލިކިނިއަސް ކްރާސުސް (MARCUS LICINIUS CRASSUS, 115 – 53 BC) އެވެ. މީނާއަކީ މިލިޓަރީ ޖެނެރަލެކެވެ. އަދި ރޯމަންއަންބަރާތޫރު އުފެދި ބިޔަވުމުގައި ބޮޑުރޯލެއް ކުޅުއްވި ލީޑަރެކެވެ..


މީނާގެ ވެރިކަމުގައި އަޤްޞާ މިސްކިތުގެ ހައިކަލްތެރޭގައި ހުރި ރަންރިހީގެ މަޢްދަންތައް ނަގައި ކޮންފިސްކޭޓް ކުރުމަށް ފަހު، މުޅި ހައިކަލް ލޫޓުވާލިއެވެ. އަދި ޤުދުސް ޝަހަރުން ޔަހޫދީންތައް ބޭރުކުރިއެވެ. އަދި ޔަހޫދީންނަށް ތުރާކޮށް ވަރަށް ހަސްކާތައް ދެއްކިއެވެ. މީނާއަކީ ރޫމީންގެ ރަސްކަމަށް ވަރަށްގިނަ އިސްލާޙްތަކާއި ރިފޯރމް ގެނެސްދެއްވި ރަސްކަލެކެވެ.


އަދި، ރޯމަނުންގެ އިސް ޑައިރެކްޓަރަކަށް ހުންނެވި، ޖޫލިއަސްސީޒާ (JULIUS CAESAR, 100 – 44 BC) ޤުދުސް ޝަހަރައި ޙަވާލުވެގެން ހުންނަވާ ޕްރޮކިއުރޭޓަރ (PROCURATOR) އެއްގެ ގޮތުގައި އެންޓިޕާޓަރ އެކެއް، (ދަ އިދީމިއަން) ހަމަޖައްސަވައި އެމަޤާމަށް، 45 މކ. ގައި ޢައްޔަން ކުރެއްވިއެވެ.


އެންޓިޕާޓަރ ދަ އިދީމިއަން، 43 މކ. ގައި ބަޔަކުމީހުން ވިހަލައި މަރާލުމުން ޤުދުސްގެ ގަވަރނަރު ކަން ރޯމަން ރަސްކަމުން ޙަވާލުކުރީ، އެންޓިޕާޓަރގެ ދަރިކަލުން، ޕާސެލް “ފަޒާއީލް” (PHASAEL, d. 40 BC) އާއެވެ. މީނާއަކީ ހީރޫދީސް ޢާއިލާގެ ރަސްކަލެކެވެ. ހީރޫދީސް ދަ ގްރޭޓްގެ ދޮށީބޭބެއެވެ. އަދި، 37 މކ. ގައި ޤުދުސް ޝަހަރުގެ ހުރިހާކަމަކައި ޙަވާލުވެލެއްވީ، ރޫމީންގެ ވަރުގަދަ ރަސްކަލެއް ކަމުގައިވާ، ހީރޫދިސް ދަ ގްރޭޓް އެވެ.


އަލްމަމްލަކަތުލްހީރޫދިއްޔާ (ނޫކުލައިގައި)
އަލްމަމްލަކަތުލްހީރޫދިއްޔާ (ނޫކުލައިގައި)

ހީރޫދީސް ދަ ގުރޭޓުގެ މަމްލަކާ އަކީ އިދޫމް އާއި ޔަހޫދާ ގައި އޮތް ވަކި ވެރިކަމެކެވެ. ރޯމަނުންގެ ކުލައިންޓު ސްޓޭޓެކެވެ. ނޫނީ ރޫމީން ކޮންޓުރީލްކުރާ ސްޓޭޓެކެވެ. ފަހެ، ހީރޫދީސް ރަސްގެފާނުގެ ދުވަސްވަރަކީ، ވަރަށް އުޖާލާކަން ގެނެސް ދެއްވި ދުވަސްވަރެކެވެ. ތަރައްޤީގެ ދުވަސް ވަރެކެވެ. 19 މކ. ގައި ހައިކަލް (ބައިތުލްމަގްދިސް) ގެ ބިންގާ ބޮޑުކުރައްވައި އަލުންބިނާ ކުރެއްވިއެވެ. މިއީ ފަލަސްތީނުގައި ރޯމަނުން ވެރިކަން ކުރިގޮތެވެ.


އެއަށް ފަހު، މަޝްހޫރު ވެގެން ދިޔައީ ހީރޫދީސްގެ ޓެންޕަލް (HEROD’S TEMPLE) ގެ ނަމުންނެވެ. މިނަމުން ހައިކަލްއަށް ނަންދެވުނެވެ. އަދި މިބިނާކުރުން ވެގެންދިޔައީ ހައިކަލްގެ ދެވަނަ ޢިމާރަތް (SECOND TEMPLE) ކުރުމަށް ވާތީ، ދެވަނަ ޓެންޕަލް އަށެވެ.


ފުރަތަމަ ޓެންޕަލް އަކީ، ސުލައިމާނުގެފާނު ބިނާކުރެއްވި، މިސްކިތް ބައިތުލް މަޤްދިސް އެވެ. ބާބިލީންގެ ރަސްކަމުން ފުރަތަމަ ޓެންޕަލް (ހައިކަލް) ހަލާކުކޮށް ސުންނާފަތި ކޮށްލުމަށް ފަހު ދެވަނަ ފަހަރަށް ބިނާކުރި ކުރުމަކީ މިއެވެ. ޔަހޫދީންގެ ގާތުގައި މަޝްހޫރު، ދެވަނަ ހައިކަލްގެ ޒަމާން (SECOND TEMPLE PERIOD) ގާތްގަނޑަކަށް، 586 މކ. އިން ފެށިގެން، 70 މ. އަށް ދެމިގެން ދިޔައެވެ.


ހީރޫދިސް ދަ ގްރޭޓް ދެންކުރެއްވި މަސައްކަތަކީ، ޙަރަމް އައްޝަރީފްގެ ވަށަފާރު އަލުންލެއްވުމެވެ. ޔަހޫދީންގެ ގާތުގައި މިބޮޑުފާރު މަޝްހޫރުވެފައި ވަނީ، ވެސްޓާންވޯލް (WESTERN WALL) އެވެ. މިފާރަށް “ބުރާޤުފާރު” އޭވެސް ކިޔައެވެ. މިގޮތުން ރޫމީންގެ ހީރޫދީސް ރަސްގެފާނަކީ، ޢިމްރާނީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަށެވެ. މިބޮޑުފާރުގެ ވާހަކަ ވަކިން، ގެނެސްދޭނަމެވެ. إن شاءالله!


ހީރޫދީސް ދަ ގްރޭޓް އަވަހާރަވުމުން، ފަލަސްޠީންގައި ވެރިކަމުގެ ހައިޖާނު އުފެދިގެން ދިޔައެވެ. ސަބަބަކަށްވީ، ހީރޫދީސް ރަސްގެފާނުގެ ދިހަ އަނބިކަބަލުންނަށް، ބައިވަރު ކުދިންލިބިފައި ތިބުމުންނެވެ. އެކުދިންގެ މެދުގައި ބައްޕައަށް ފަހު، ރަސްކަމުގެ ވާދަވެރިކަން އުފެދުމުންނެވެ. މިކަމާގުޅިގެން، ރޯމަން އެންޕަޔަރުން އޮގަސްޓަސް (AUGUATUS) ހެއްދެވި ގޮތަކީ، ރަސްކަމުގެ ދަރުބާރުން ޤަރާރެއް ނެރުއްވައި، 3 މކ. ގައި ފަލަސްޠީނުގެ ކަންކަމާ ސީދާ ޙަވާލުވެލެއްވުމަށް ފަހު، ފަލަސްޠީން ތިންބަޔަށް ބައްސަވައި ހީރޫދީސް ދަ ގްރޭޓްގެ ތިން ދަރިންނަށް ތިން ސަރަހައްދުގެ ވެރިކަން ޙަވާލު ކުރެއްވީއެވެ.


ފަލަސްޠީނުގެ ދެކުނުގެ ސަމާރިއާ (SAMARIA) އާއި ޔަހޫދާ ނޫނީ ޖޫދާ އާއި އިދޫމްގެ ރަސްކަން ޙަވާލުކުރެއްވީ، ހީރޫދީސްގެ ދަރިކަލުން، ހީރޫދު އަރްޝީލާސް (HEROD ARCHELAUS, 23 BC – 18 AD) އާއެވެ. މީނާ ރަސްކަމުގައި، 4 މކ. އިން ފެށިގެން، 6 މ. ގައި މަރުވުމާ ހަމައަށް ހުންނެވިއެވެ.


އަދި، ފަލަސްޠީނުގެ ޖަލީލް (GALILEE) އާއި ޖޯރޑަންގެ އިރުމަތީ ސަރަހައްދު، ޕެރިއާ (PEREA) ގެ ރަސްކަން ޙަވާލުކުރެއްވީ، ހީރޫދީސްގެ ދަރިކަލުން، ހީރޫދު އެންޓިޕާސް (HEROD ANTIPAS, 20 BC – 39 AD) އާއެވެ. މީނާ ރަސްކަމުގައި، 6 މ. އިން ފެށިގެން، 39 މ. ހަމައަށް ހުންނެވިއެވެ.


އަދި، ދަމިޝްޤު ސަރަޙައްދުގެ ރަސްކަން ޙަވާލުކުރެއްވީ، ހީރޫދީސްގެ ފަސްވަނަ އަނބިކަނބަލުން ނަށް ލިބިވަޑައި ގެންނެވި ދަރިކަލުން، ފިލިޕް ދަ ޓެޓްރޯޗް (PHILIP THE TETRARCH [TRACHONITIS]) އާއެވެ. ފިލިޕް، 34 މ. އައި ހަމައަށް ރަސްކަމުގައި ހުންނެވިއެވެ. މިމީހުން މަރުވުމުން އެސަރަޙައްދު ތަކުގެ ރަސްކަން ޙަވާލު ވެގެން ދިޔައީ، ސީދާ ރޯމަން އެންޕަޔަރ އިން ސީދާކޮށް ހިންގާ ގޮތަށެވެ.


އެ ގޮތުން ރޫމީން ފޮނުއްވި ރަސްކަލުންގެ ތެރެއިން، ފަލަސްޠީނައި ޙަވާލުވީ، ޕިލާޠްސް “ޕޮންޗަސްޕައިލެޓް” (PONTIUS PILATE, 26 – 36 AD) އެވެ. މިއީ ޖޫދާގެ ރަސްގެފާނެވެ. ޢީސާގެފާނުގެ ޝަރީޢަތް ފައުޅުވެ، ދައުވަތު ދެމުންގޮސް، ޢީސާގެފާނު ޞަލީބަށް އެރުވުނީ، މިރަސްގެފާނުގެ ޒަމާނުގައެވެ. އޭރު ރޯމަން އެންޕަޔަރގެ ރަސްކަލަކީ، ޓައިބީރިއަސް (TIBERIUS, 16 NOV 42 BC  – 16 MAR 37 AD) އެވެ. ރަސްކަން ކުރެއްވީ، 18 ސެޕްޓެންބަރ 14 މ. އިން ފެށިގެން، 16 މާޗް 37 މ. އަށެވެ.


މިއީ ރޯމަން އެންޕަޔަރގެ ދެވަނަ ރަސްގެފާނެވެ. ތިންވަނަ ރަސްކަލަކީ، ކަލިގިއުލާ “ގެއިސް” (CALIGULA [GAIUS] 31 AUG 12 – 22 JAN 41 AD) އެވެ. ރަސްކަމުގައި އިންނެވީ، 16 މާޗް 37 އިން ފެށިގެން، 22 ޖެނުއަރީ 41 މ. އަށެވެ. ރޫމީ ރަސްކަމުގެ ހަތަރުވަނަ ރަސްގެފާނަކީ، ކްލައުޑިއަސް (CLAUDIUS, 1 AUG 10 BC – 13 OCT 54 AD) އެވެ. ރަސްކަމުގައި އިންނެވީ، 41 މ. އިން ފެށިގެން، 54 މ. ވަނަ އަހަރައި ހަމައަށެވެ. ފަސްވަނަ ރަސްގެފާނަކީ، ނިރޯ (NERO, 15 DEC 37 – 9 JUN 68 AD) އެވެ. ރަސްކަމުގައި އިންނެވީ، 54 މ. އިން ފެށިގެން، 68 މ. ވަނަ އަހަރައި ހަމައަށެވެ.


ދެން އައީ ރޯމަނުންގެ ގަދަފަސަ ޓައިޓަސް، Titus Flavius Vespasianus ރަސްގެފާނުގެ ވެރިކަމެވެ. މި ރަސްކަން އޮތީ 79 މ. އިން ފެށިގެން 81 މ. އަށެވެ. ބައިތުލްމަޤްދިސް ތަޅާލުމަށްފަހު ގުދުސް އިން ހުރިހާ ޔަހޫދީން ފަހާލާއި ހައިލަކް ބިމާހަމަކޮށްލީ ޓައިޓަސް ރަސްގެފާނެއެވެ. މިއީ ދެވަނަ ޓެމްޕަލްގެ ނިމުމެވެ. މިއީ ބުޚްތްނައްސަރުގެ ފަހާލުމަށް ފަހު، ޔަހޫދީން ދެވަނަފަހަރަށް ގުދުސް އިން ނެރެލުމެވެ.


ދެވަނަފަހަރަށް ގުދުސްއިން ޔަހޫދީން ފަހާލާއި އަޤްޞާމިސްކިތް "ދެވަނަޓެމްޕަލް" ތަޅާލި ޖައްބާރު ޓައިޓަސް ރަސްގެފާނު
ދެވަނަފަހަރަށް ގުދުސްއިން ޔަހޫދީން ފަހާލާއި އަޤްޞާމިސްކިތް "ދެވަނަޓެމްޕަލް" ތަޅާލި ޖައްބާރު ޓައިޓަސް ރަސްގެފާނު

މިއީ ދުނިޔޭގެ އެދުވަސްވަރުގެ ބޮޑުބާރެވެ. ފަލަސްޠީނުގައި ޕިލާޠްސްގެ ރަސްކަން ނިމުމުން އަނެއްކާވެސް ހީރޫދީސް ޢާއިލާގެ ބޭފުޅެއް ކަމުގައިވާ، ހީރޫދު އެގްރިޕާ (HEROD AGRIPPA, 11 BC – 44 AD) އައި ފަލަސްޠީނުގެ ރަސްކަން، ރޯމަން އެންޕަޔަރގެ ގެއިސް އަށް ޖިޒީ ދައްކާގޮތަށް އަނބުރާ ޙަވާލުކުރެވުނެވެ. މިރަސްކަން ދެމިއޮތީ، 41 މ. އިން ފެށިގެން، 44 މ. ވަނަ އަހަރައި ހަމައަށެވެ.


ފަހެ، ހީރޫދު އެގްރިޕާ މަރުވުމުން، ފަލަސްޠީނުގެ ރަސްކަން އަނބުރާ ގެންދިޔައީ އަނެއްކާ ވެސް ސީދާ ރޯމަނުންގެ ބާރުގެ ދަށަށެވެ. މިހާ ހިސާބުން ފަލަސްޠީނަކީ، ރޯމަނުންގެ ވިލާޔަތެއް ކަމުގައި ރަސްމީކޮށް ހަމަޖެއްސިއެވެ. އަދި، މިހާހިސާބުން ޔަހޫދީ ހީރޫދީސް ޢައިލާގެ މަމްލަކަތުގެ ވެރިކަން ރަސްމީ ސިފައެއްގައި އެކުގައި ނިމި ދިޔައީއެވެ.


ޤުދުސްގައި ރޫމީންގެ ނުވަތަ ރޯމަނުންގެ ވެރިކަމުގެ ދުވަސްވަރު، އަޅުވެތިކަމާ ދެކޮޅަށް ތެދުވެ، ރޯމަނުންގެ ވެރިކަމަށް، ތަޙައްދީ ކުރެވޭތޯ ޔަހޫދީން، 3 ފަހަރަކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިއެވެ. އެއީ، 66 މ. އާއި، 117 މ. އާއި، 135 މ. ގައެވެ. މިތާރީޚްތައް ކަނޑައެޅުމުގައި އެކި މުއައްރިޚުންގެ ލިޔުއްވުންތަކުގައި ކުޑަކޮށް، ތަފާތުހުރެ އެވެ.


ފަހެ، މިހުރިހައި ފަހަރެއްގައިވެސް ރޯމަނުން އެމީހުންގެ ގަދަފަދަ ހަތިޔާރުތަކުގެ ކުޅަދާނަކަން ޔަހޫދީންނަށް ފިސާރިއަކަށް ދައްކައި، ޔަހޫދީންގެ، އިންތިފާޟާ އެކުގައިހެން ފުނޑުފުނޑުކޮށް ސުންނާފަތިކޮށް ލިއެވެ. ޔަހޫދީން ބޭތިއްބީ ވަރަށް ނިކަމެތި ކަމުގައެވެ. އާރެއް ބާރެއް ނެތްބައެއްގެ ގޮތުގައެވެ. ޔަހޫދީންގެ ފުރަތަމަ އިންތިފާޟާގައި، ރޯމަން ލަޝްކަރު ޤުދުސްއަށް އަރައި، އެރަށުގެ ބޮޑުބައެއް ތަޅާއި ސުންނާފަތިކޮށް ބިމައި ހަމަކޮށްލިއެވެ. އެދުވަސްވަރުގެ ތަޅާފޮޅުމުގެ ތެރޭގައި ސަލާމަތުންހުރީ، ހަމައެކަނި ޢިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގެ ތަންކޮޅެކެވެ.


ފަހެ، ޔަހޫދީންގެ މިއިންތިފާޟާ ތަކުގެ ތެރޭގައި، ރޯމަނުން ޔަހޫދާގެ އެކިއެކި ކަންކޮޅުތަކުގައި ޔަހޫދީންގެ އެތައްހާސް ބަޔަކު ކަތިލާއި ޔަހޫދީންގެ، ފަންސާހަށް ވުނެ ގިނަ ކިއްލާތައް މުގުރާލާއި އެއްހާސް އަވަށް ޗާޓުން މުޅިންހެން ނެތިކޮށްލާއި ފޮހެލިއެވެ.


އާދެ! 135 މ. ގެ އިންތިފާޟާއަށް އަށް ފަހު، ރޯމަނުން، ޔަހޫދީންގެ އެތައް ލައްކަބަޔަކު ޖަމާޢަތް ޖަމާޢަތަށް ޔަހޫދާއިން ގަދަކަމުން ބޭރުކޮށް، އޭޝިޔާއާއި އުތުރު އެފްރިކާ އާއި ޔޫރަޕްގައި ރޯމަނުންގެ ވެރިކަންއޮތް ގިނަސަރަޙައްދުގެ އެކިހިސާބުތަކަށް، ގެންގޮސް އަޅުންގެ ގޮތުގައި ވިއްކާއި ވިއްސިވިހާލިކޮށް ލިއެވެ. އިޓަލީއާއި ސްޕެއިނާއި މިޒަމާނުގެ ޖަރުމަން ފަދަ ޔޫރަޕްގެ ސަރަޙައްދުތަކަށް، ޔަހޫދީން ފެތުރިގެން ދިޔައީ މިގޮތުގެ މަތީންނެވެ. މިއީ ޔަހޫދީންގެ އެންމެ މަޝްހޫރު ބޭރުކުރުމެވެ. ޔަހޫދާ، ނޫނީ ޔަހޫޒާއިން، އެންމެހައި ޔަހޫދީން ބޭރުކުރުމަށް ފަހު، ރޯމަނުން އެބިމުގެ ނަންވެސް ބަދަލު ކުރިއެވެ.


ފަހެ، ޔަހޫޒާގެ ބަދަލުގައި އެބިމުގެ ނަމަކީ، “ސީރިޔާ ޕަލަސްޠީން” ކަމަށް ކަނޑައެޅި އެވެ. އަދި ސީރިޔާ ޕެލަސްޓައިން އިން ބޭރު އެއްވެސް ޔަހޫދީއަކު ރޯމަނުންގެ އެ އިޤްލީމަށް ނުވަތަ އެޕްރޮވިންސަށް ފައިތިލަބީހުން ވެސް މަނާކުރިއެވެ. މިކަމާހެދި ޔަހޫޒާގައި ތިބެވުނީ، ވަރަށް މަދު ޔަހޫދީއަކަށެވެ. ފަހެ، އެއިރުވެސް އެބިމުގައި ފެތުރިފައިވާ ބޮޑު އަބާދީއަކީ، ކަންޢާނީންނާއި އެބިމުގައި ޤަދީމީ ޒަމާނުގައި ވަޒަންވެރިވި މުސްލިމް ޢަރަބި ޖަމާޢަތްތަކުގެ މީހުންނެވެ. އެދަރިފަސްކޮޅެވެ.


މިމީހުން ސަލާމަތުން ތިބީ، އެމީހުންނަކީ ވެސް ރޯމަނުންނައި އެއްކަހަލަ ދީނީ ވިސްނުމެއްގެ ބަޔަކަށް ދެކެވިގެންނެވެ. މުސްލިމުންނާއި ނަސާރާއިންނާ އޮންނަ ގާތްކަމުގެ ދަށުންނެވެ. އަދި ހަމައެއާއެކު، ޢަރަބި ސަޙަރާއިން ހިޖްރަކޮށްގެން އުޅެމުން ގެންދިޔަ ދަރިކޮޅުތައް އެބިމުގައި ދެމިތިއްބެވެ. ފާރިސީންގެ ޤަބީލާތަކައި ޔަހޫދީންގެ މަދު ބައެއް، ސީރިޔާ ޕަލަސްޠީންގެ އާބާދީގައި ހިމެނުނެވެ. މިހުރިހައި ޖަމާޢަތްތައް ވެސް ގެންދިޔައީ، ކައިވެނީގެ ގޮތުންގުޅި ލާމެހެވިގެންނެވެ. އަމިއްލަ ވަޠަނީބައެއްގެ ރޫޙާއި ސިފަލިބި ގަނެގެންނެވެ. ވަކިތަފާތު ކުރުމެއް ނެތިއެވެ.


ފަހެ، 320 މ. ހިސާބުގައި ރޯމަން ބެއިޒަންޓިއަނުން ނަޞާރާދީން ޤަބޫލް ކުރިއެވެ. އެއަށް ފަހު ރޯމަން އެންޕަޔަރ ދަށުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީނަނާއި ސީރިޔާ ޕަލަސްޠީން ގައި އުޅެމުންދިޔަ ވަރަށް މަދު ޢަދަދެއްގެ ޔަހޫދީންނަށް ކުރިއަށްވުރެ ވެސް މާނިކަމެތި ޙާލެއް ޖެހުނެވެ. އިތުރުވޭނާއި އަނިޔާއައި ކުރިމަތިލާން ޖެހުނެވެ.


ފަހެ، ދަންނާށެވެ! ކްރިސްޗިއަނުން (ނަޞާރާއިން) ޤަބޫލްކުރާ ގޮތުގައި، ޢީސާގެފާނު މަރާލުމަށް ޞަލީބަށް އެރުވުމުގައި އިސްދައުރެއް އަދާކުރީ ޔަހޫދީންނެވެ. އެހެންކަމުން ނަޞާރާއިން ދެކެނީ، އެކަލޭގެފާނަށް ލިބިވަޑައި ގަތް ހުރިހާ ދުއްތުރާތަކާއި އަނިޔާތަކާއި އެކަލޭގެފާނު ޞަލީބަށް އެރުވުމާއި މަރާލުމައި މެދު ޔަހޫދީން ފުރިހަމަ އަށް ޒިންމާވާން ޖެހޭނެކަމުގައެވެ. ނަޞާރާއިންގެ މިޢަޤީދާގެ ދަށުން ނަޝާރާއިން ގެންދިޔައީ ޢީސާގެފާނު ޤަތުލްކޮށް ލުމުގެ ބަދަލު ހިފުމަށް ޓަކައި ޔަހޫދީންނަށް ހުރިހާޒާތެއްގެ އަނިޔާތައް ކުރަމުންނެވެ.


ރޯމަނުންގެ ބައިޒަންތީ ވެރިކަމުގެ ފުރަތަމަ ރަސްކަލަކީ، ޤުސްޠުންޠީން އެކެއް (CONSTANTINE THE GREAT) އެވެ. މިއީ ރޯމަނުންގެ، 57 ވަނަ ރަސްކަލެވެ. އޮފީހުގައި އިންނެވީ، 306 އިން ފެށިގެން، 337 މ. އައި ހަމައަށެވެ. ބައިޒަންޠާ (BYZANTIUM) އަކީ، ތުރުކީގެ ބޮސްފަރެސް ކަނޑުއޮޅީގެ ރަށެކެވެ. އޭރު ރޫމީން ތުރުކީގައި ވެރިކަންކުރި ރަށެވެ. ބައިޒަންޠީން އަތުން، ފަލަސްޠީން ފަތަޙަކުރީ، މުޙައްމަދުގެފާނަށް ފަހު، އުފެދުނު ޚިލާފަތުގެ ވެރިކަމުގައެވެ.


ފުރަތަމަ ޚަލީފާއަކީ، އަބޫބަކުރު ރަޟިޔަﷲ ޢަންހު އެވެ. ދެވަނަ ޚަލީފާއަކީ، ޢުމަރު ރަޟިޔަﷲ އަންހުއެވެ. ރޯމަނުންގެ އަތުން ފަލަސްޠީން ފަހަތަ ކުރެއްވީ ޢުމަރުގެފާނެވެ. މަދީނާ މުނައްވަރާގައި މުޙައްމަދުގެފާނު "ސައްލަﷲ ޢަލައިވަސައްލަމަ" އުފެއްދެވި އިސްލާމީ ޚިލާފަތުގެ އުޖާލާ ވެރިކަމުންނެވެ. ދެން ކުރިޔަށް އޮތީ އަލްޚުލަފާއުއް ރާޝިދޫން، (RASHIDUN CALIPHATE) ގެ ވެރިކަމުން ފަލަސްޠީން އަށް އެރުމެވެ. މިވާހަކަތައް ޢީސާގެފާނުގެ ވާހަކަތަކަށް ފަހު، ގެނެސްދޭނަމެވެ. އިންޝާއަﷲ! ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page