އަދުގެ އިސްލާމީދުނިޔެ، 1914 އިން، 2014 އަށް! (ހަވަނަބައި)
- ilyashusein
- Jul 20
- 25 min read
*ގުދުސްގެ ބޮޑުފާރު:
*ޒަކަރިއްޔާގެފާނު:
*ޔަޙްޔާގެފާނު:
*ޔޫސުފު އަލްނައްޖާރު:
*ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމްގެފާނު:
*ޢީސާގެފާނު:
*ޢީސާގެފާނު ބޮޑުފުޅުވުން:
*ޢީސާގެފާނު ނަބީކަމައިގެން ފޮނުއްވުނު އިރު ބަނީ އިސްރާއީލު މީހުންތިބިގޮތް:
*ޢީސާގެފާނުގެ ނުބުއްވަތާއި މުޢްޖިޒާތައް:
*މުހައްމަދުގެފާނު:
ގުދުސްގެ ބޮޑުފާރު:
މިފާރަކީ ފެށުނީއްސުރެ ވެސް އިސްލާމުންނާއި ޔަހޫދީންގެ ގާތުގައި މުޤައްދަސް ވެގެންވާ ފާރެކެވެ. މުސްލިމުން ގާތުގައި މުގައްދަސް ވަނީ ހަރަމްފުޅުގައި ހިމެނޭ ފާރަކަށް ވާތީއެވެ. އެނޫން އެއްވެސް ކަރާމަތަކަށް ނޫނެވެ. މިފާރަށް އިސްލާމުން ދީފައިވާ ނަމަކީ، ޙާއިޠުލް ބުރާޤް (ބުރާޤު ފާރުކޮޅު) އެވެ. ބަނީއިސްރާއީލު ބާގައިގެ ޔަހޫދީން ކިޔާއުޅެނީ، ވެސްޓަރން ވޯލް (WESTERN WALL) ނުވަތަ ވެއިލިންގ ވޯލް (WAILING WALL) އެވެ.
މިފާރުގެ އެއްފަރާތުގައި މުސްލިމުން އަޅުކަން ކުރަމުން ދާއިރު އަނެއްފަރާތުގައި ޔަހޫދީން އަޅުކަން ކުރަމުން ގެންދެއެވެ. މިފާރަށް މަސްޖިދުލް ބުރާޤު އޭވެސް މުސްލިމުން ކިޔާއުޅެއެވެ. އެހެނަސް އެތާގައި ވަކި ޚާއްސަ މިސްކިތެއް ހެދިފައެއް ނުހުރެއެވެ. ޔަހޫދީން ގާތުގައި މިއީ އެމީހުންގެ ދެވަނަ ޓެމްޕަލް، ރޫމީންގެ ޓައިޓަސް ލަޝްކަރުން ތަޅާލި އިރުން ފެށިގެން ދެމިއަންނަ ފާރެކެވެ. އެމީހުން އަޅުކަން ކުރުމަށް ހުރި އެންމެ މިގައްދަސް ތަނަކީ އެއީކަމުގައި ގަބޫލުކުރެއެވެ.
ފާރުގެ ބިންގަލުން ފެށިގެން ހުރިހާ ހިސާބެއްގައި ފާރުގެ ދެފަރާތުގައި ވެސް އަޅުކަން ކުރަމުންދާތީއާއި ކުރިން މިސްކިތުގެ ފާރަކަށް ވާތީ މިސްކިތޭ ކިޔާއުޅެނީއެވެ. މުޙައްމަދުގެފާނު އިސްރާ އާއި މިޢްރާޖް ދަތުރުފުޅުގައި ޖިބްރީލްގެފާނައި އެކު، ދަތުރުކުރެއްވި ބޮޑުދެފިޔަލީސަވާރީ "ބުރާޤް" މަސްޖިދުލް އަޤްޞާގައި ބެންނެވިތަން ކަމަށް ބުނެ މިހާރުވެސް މިފާރުގައި މަޢްދަނުން ހަދާފައިވާ ބޮޅެއް ހަރުކޮށް ފާހަގަކޮށްފައި ވެއެވެ.
މިފާރުގެ ބިންގަލުން މައްޗަށް ނެގިފައިވަނީ ހަމަބިމަށްވުރެ ތިރިންނެވެ. ބިންގަލުގައި ހުންނަީ ވަރަށްބޮޑެތި ގަލެވެ. ފަހެ، މިއީ ވަރަށް ޤަދީމީފާރެކެވެ. ސުލައިމާނުގެފާނު، މަސްޖިދުލް އަޤްޞާ ބިނާކުރެއްވި އިރު ޙަރަމް ޝަރީފް (TEMPLE MOUNT) ފާހަގަ ކުރެއްވުމުގެ ގޮތުން ލެއްވިފާރެކެވެ.

އެއަށް ފަހު، އެކި ޒަމާނުގައި އެފާރަށް އެކިގޮތްތައް ދިމާވެ، ތަޅާއިމުގުރާލެވި، އަދި އަލުންލެވި މިއަދާ ހަމައަށް ވެސް ވަނީ އެގޮތުގެ މަތީގައި ދެމެމުން އައިސްފައެވެ. ފޮޓޯއިން އެފެންނަނީ މިހާރު އެފާރު ބޭރުފަރާތުން ޔަހޫދީ އަޅުކަންކުރަން އެއްވާ ދިމާލެވެ. އެތެރެ ފާރާތުގައި ހުންނަނީ އަޤްޞާމިސްކިތެވެ.
އިސްލާމުން މިފާރަށް ބުރާޤު ފާރުކޮޅު ކިޔަނީ، އަޅުގަނޑުމެންގެ އެންމެފަހުގެ ރަސޫލާ، މުހައްމަދުގެފާނު އިސްރާ އާއި މަޢްރާޖް އަށް އަރާވަޑައި ގެންނެވި ދަތުރުގައި މަސްޖިދުލް އަޤްޞާ ގައި ހުރިހާ ނަބީބޭކަލުންނައި އެކު ނަމާދުފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ ސަވާރީ ބުރާޤްކޮޅު ބެންނެވި ތަނުގައި ލެވިފައިވާ ފާރަކަށް ވާތީއެވެ.
ފަހެ، މިފާރަކީ، އެތަނުން ފެށިގެން ލާންފެށިފައިވާ ފާރެކެވެ. މިހާރު މިދުވަސްވަރު، މިފާރަކީ ވަރަށް ދިގު، އަދި އުސް ފާރެކެވެ. ޙަރަމް ޝަރީފް ފާހަގަކުރުމަށް ދަމާލެވިފައިވާ ބިޔަ ވަރުގަދަ ފާރެކެވެ. އެކި މަރްޙަލާތަކުން ވާރުތަވަމުން އައިސް މިހާރުގެ އިސްރާއީލީ ދައްލަތުން މިފާރުވަނީ، ޒަމާނީ ފެންވަރެއްގައި ގުދުސްގެ އެކިހިސާބުގައި އެމީހުން ބޭނުންވާ ގޮތަށް މަރާމާތުކޮށް ބިނާކޮށް ފައެވެ.
ފަހެ، ސުލައިމާންގެފާނު ލެއްވި ފާރު މުގުރާލީ ބާބިލީން އަރައެވެ. ބުޚްތުނައްސަރުގެ ލަޝްކަރެވެ. ގުދުސް އަށް އަރާ ކޮންމެ ލަޝްކަރަކުން ވެސް މިފާރަށް ގެއްލުންދެއެވެ. އަދި ފަތަޙަ ކުރުމަށް ފަހު ބިނާކުރެއެވެ. ހީރޫދީސް ރަސްގެފާނު އިރުވެސް ބޮޑު މަރާމާތަކައި އެކު އަލުން ބިނާކުރުއްވުމެއް ހިންގެވިއެވެ. މިފާރަކީ ދިގުތާރީޚެއް އެކުލެވިފައި އޮތް ފާރެކެވެ. ފާރުގެ ބުޑުގައި ނުވަތަ ވީހައި ކައިރިއެއްގައި އަޅުކަން ކުރުމުގެ ބޭނުމުގައި އެއްބަޔަކު އަނެއްބަޔަކަށް ގިނަ ދުއްތުރާތަކާއި ހަނގުރާމަތައް ހިންގާފައި ވެއެވެ.
އިސްލާމުންނާއި ޔަހޫދީންނައި އަޅުކަން ކުރުމުގެ ގޮތުން ޖާގަބޮޑުކުރުމަށައި ބިން ބޮޑުކޮށް، ޤުދުސްއަށް ވެރިވެގަތުމުގައި އެތައް ހަނގުރާމަތައް ކޮށްފައި އެބަހުއްޓެވެ. ޔަހޫދީން ޤަބޫލްކުރާ ގޮތުގައި، މިފާރުގެ ކައިރީގައި ތިބެގެން އަޅުކަން ކުރުމުގެ ޙައްޤު އެމީހުންނަށް ވަނީ، ސުލައިމާނުގެފާނު އިރުންފެށިގެން ލިބިފައެވެ. އިސްލާމުން ޢަޤީދާއަކީ، އަދި ފާޅުވެގެންވާ އިލާހީ ޙަޤީޤަތަކީ، ގުދުސް އަކީ، އިސްލާމުންގެ މާތްވެގެންވާ ޙަރަމްފުޅެވެ. އަދި ދަތުރުކޮށް ނަމާދުގެ އަޅުކަން ކުރުމަށް ހުއްދަދެއްވާފައިވާ ތިން ޙަރަމްފުޅުން އެއް ޙަރަމްފުޅެވެ.
ޒަކަރިއްޔާގެފާނު:
ޒަކަރިއްޔާ (ZECHARIAH) ގެފާނަކީ، ބަނީ އިސްރާއީލު މީހުންނަށް ފޮނުއްވުނު ނަބިބޭކަލެކެވެ. އެބައިމީހުން މޫސާގެފާނުގެ ދީންދޫކޮށް މަގުފުރެދުމައި ގުޅިގެން ދުވަސްތަކަކަށް ފަހު، ﷲ ފޮނުއްވީ، ޒަކަރިއްޔާގެ ފާނެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ، ބަނީ އިސްރާއީލު މީހުންނަށް، ﷲގެ ސީދާމަގު ދެއްކެވުމެވެ. މުޅި ޢުމުރުފުޅު ހޭދަކުރެއްވީ، ދީނަށް ގޮވާލެއްވުމުގައި ހައިކަލް (ބައިތުލްމަޤްދިސް) ގައި ޚިދުމަތް ކުރެއްވުމުގައެވެ.
އެކަލޭގެ ފާނުގެ އަނބިކަނބަލުންނަކީ، އިލީޞާބާތް، ނޫނީ އިލީޝީބާ ނޫނީ ޔަޝްބަޢު ނޫނީ ޙަނާނާ (ELIZABETH or ELISABETH) އެވެ. ދެމަފިރި ކަނބަލުން މުސްކުޅިފުޅުވީ އިރުވެސް ދަރިކަލަކު ލިބިވަޑައި ނުގަތުމުން އެކަލޭގެފާނަށް ފަހު ދީނަށާއި ހައިކަލަށް ޚިދްމަތްކޮށް ދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރާނެ ފަރާތެއް ނުހުންނާނެތީ، އެކަމައި އިންތިހާއަށް ހިތާމަ ކުރައްވައި، ދަރިކަލަކަށް އެދިވަޑައިގެން، ﷲ އަށް ދެންނެވިއެވެ.
ދެމަފިރި ކަނބަލުންނަށް ދަރިކަލަކު ރިޒިޤްކުރެއްވުމަށް އެދި، ﷲ އަށް ދުޢާ ދެންނެވިއެވެ. އޭރު ޒަކަރިއްޔާގެފާނުގެ ޢުމުރުފު، 90 އަހަރަށް އަރައިފިއެވެ. ޤުރްއާނުގައި މިވާހަކަތައް، ﷲ ގެންނަވާފައި ވެއެވެ. އާލުޢިމްރާން ސޫރަތުގެ، 40 ވަނަ އާޔަތް ބައްލަވާށެވެ!
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ قَالَ كَذَٰلِكَ اللَّـهُ يَفْعَلُ مَا يَشَاءُ ﴿٤٠﴾
“(ޒަކަރިއްޔާގެފާނު) ވިދާޅުވިއެވެ. އޭ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަން ކަލޭގެފާނަށް، ފިރިހެން ދަރިއެއް ލިބޭނީ ކިހިނަކުން ތޯއެވެ؟ ތިމަންކަލޭގެފާނު ވަނީ، ޢުމުރުން ދުވަސްވެފައެވެ. އަދި، ތިމަން ކަލޭގެފާނުގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. ﷲ ވަޙީކުރެއްވިއެވެ. ތިޔަކަންތައް ހުރީ ތިޔަފަދައިންނެވެ. (އެހެނަސް) ﷲ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ.”
ދެން ފަހެ، ﷲ ޒަކަރިއްޔާގެފާނަށް އުފާވެރިޚަބަރު ދެއްވިއެވެ. ހަމަ އެސޫރަތުގެ، 38 ވަނަ އާޔަތާއި، 39 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ! ޤުރްއާން ބައްލަވާށެވެ!
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾ فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّـهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴿٣٩﴾
“އެހިނދު އެތާގައި ޒަކަރިއްޔާގެފާނު، އޭނާ ހައްދަވައި ބޮޑުކުރެއްވި. ﷲ އަށް ދުޢާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ! އޭ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ﷲގެ ޙަޟްރަތުން ހެޔޮވެގެންވާ ދަރިކޮޅެއް ތިމަންކަލޭގެ ފާނަށް ދެއްވާންދޭވެ! ﷲއީ (އަޅުންކުރާ) ދުޢާ އައްސަވާ ވޮޑިގެންވާ ކަލާނގެއެވެ.”
“ދެންފަހެ، އެކަލޭގެފާނު މިޙްރާބުގައި ނަމާދު ކުރެއްވުމުގައި ޤައިމުވެ ވަޑައިގެން ހުންނަވަނިކޮށް މަލާއިކަތުން އެކަލޭގެފާނަށް ގޮވައި ދެންނެވިއެވެ. ހަމަކަށަވަރުން (ކަލޭގެފާނަށް) ޔަޙްޔާގެފާނު ލިބިވަޑައި ގަންނަވާނޭ ކަމުގެ އުފައުވެރި ޚަބަރު، ﷲ ކަލޭގެފާނަށް އަންގަވައެވެ. (އެކަލޭގެފާނުން ވާހުށީ) ﷲގެ ކިބަފުޅުން އައި ކަލިމަފުޅެއް (ކަމުގައިވާނޭ، ޢީސާގެފާނަށް) އީމާންވެ ވަޑައިގަންނަވާ ބޭކަލެއް ކަމަށާއި އެކަލޭގެފާނަށް މީހުންތަބާވާ މަތިވެރި ބޭކަލެއް ކަމަށާއި ހަޑިހުތުރު ކަންތައްތަކުން މަނާވެގަނެގެން ހުންނެވި ބޭކަލެއް ކަމަށާއި ޞާލިޙް މީހުންގެ ތެރެއިން ނަބީބޭކަލެއް ކަމަށެވެ.”
އަދި، މަރްޔަމް ސޫރަތުގެ، 7 ވަނަ އާޔަތާއި، 12 ވަނަ އާޔަތް ބައްލަވާލައްވާށެވެ!
يا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧﴾
“(އަހުރެމެން “ﷲ” ވަޙީކުރީމެވެ.) އޭ! ޒަކަރިއްޔާއެވެ! ހަމަކަށަވަރުން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރުދެމުއެވެ. ކަލޭގެފާނަށް ފިރިހެން ދަރިއަކު ލިބޭނޭކަމުގެ އުފާވެރި ޚަބަރެވެ. އޭނާއަށް ޔަޙްޔާއެވެ، ނަންދޭހުށި ކަމެވެ! އެކަހަލަ ރަނގަޅު ކުއްޖަކު، މީގެކުރީގައި (ކަލޭގެފާނުގެ ޢާއިލާގައި) އުޅެފައިނުވާ (ފަދަ) ކުއްޖެކެވެ!”
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢﴾
“(ދެން އެއަށް ފަހުގައި، ޒަކަރިއްޔާގެފާނުގެ އަންހެނުން ބަލިވެއިނދެ، ދުވަސްފުރައި ވިހައި، އެދަރިފުޅު ބޮޑުވެ ތަޞައްރުފު ފުދި ނަބީކަމައި ޙަވާލުވުމުން، އަހަރުމެން “ﷲ” އޭނާއަށް އެންގެވިއެވެ.) އޭ! ޔަޙްޔާއެވެ! އަހަރުމެން މިބާވައިލި ފޮތުގެ ޙުކުމްތައް ހިންގުމުގައި ފިސާރި ބާރައިއެކު، ވަރުގަދައަކަށް ހިފަހައްޓާ ހުރިކަމެވެ! އަދި، އަހަރުމެން ޔަޙްޔާއަށް އޭނާގެ ޒުވާން ޢުމުރުގައި ވެސް (އަރާއަރަފޯދިގެންވީ) ބުއްދިވެރިކަން ދިނީމުއެވެ.”
އާދެ! ޒަކަރިއްޔާގެފާނުގެފާނުގެ އަނބިކަނބަލުން، އަދި ޔަޙްޔާގެފާނުގެ މަންމަ، އިލީޞާބާތު، ނޫނީ ޔަޝްބަޢު (ޙަނާނާ) އާއި ޢިމްރާންގެ އަނބިކަނބަލުން ޙައްނާ (حنة) އަކީ، ދެބެއިންނެވެ. ޙަންނާގެ ދަރިކަނބަލުން މަރްޔަމްގެފާނު އެންމެ ތުއްޕުޅުއިރު ބަލާބޮޑު ކުރެއްވި ބަލަދުވެރިއަކީ، ޒަކަރިއްޔާގެ ފާނެވެ.
ޔަޙްޔާގެފާނު:
ދެންނެވިފައި ވާނެ ހެން، ޒަކަރިއްޔާގެފާނައި އަނބިކަމަނާ އިލީޞާބާތުގެ އެންމެ މުސްކުޅިވީ ދުވަސްވަރު، ޒަކަރިއްޔާގެފާނަށް ޔަޙްޔާ (JOHN THE BAPTIST, 6-2 BC – 31-36 AD) ގެފާނު ލިބިވަޑައި ގަތެވެ. ބައްޕާފުޅު ޒަކަރިއްޔާގެ ފަރާތްޕުޅުން، އެންމެމަތީ ދަރަޖައިގެ ފުރިހަމަ އިސްލާމީ ތަރްބިއްޔަތް ޔަޙްޔާގެފާނަށް ލިބިވަޑައި ގަތެވެ.
ޤުރްއާންގައި ވަޙީބަސްފުޅު އައިސްފައިވާ ފަދައިން، ޔަހްޔާގެފާނު ތުއްޕުޅުއިރުން ފެށިގެން ތަރްބިއްޔަތު ވެގެންދިޔައީ، ﷲގެ ޙަޟްރަތުން އައި ކަލިމަފުޅެއް ކަމުގައި ވާނެ، ޢީސާގެފާނަށް އީމާންވެވަޑައި ގަންނަވާ ބޭކަލެއް ކަމަށާއި އެކަލޭގެފާނަށް މީހުންތަބާވާ، މަތިވެރި ބޭކަލެއް ކަމަށާއި ހަޑިހުތުރު ކަންތައްތަކުން މަނާވެގަނެގެން ހުންނެވި ބޭކަލެއް ކަމަށާއި ޞާލިޙްމީހުންގެ ތެރެއިން ނަބީބޭކަލެއް ކަމަށެވެ.
ބަނީ އިސްރާއީލު މީހުންގެ ތެރޭގައި، އެމުޖްތަމަޢު ތެރޭގައި ޔަޙްޔާގެފާނު ބަލައިގަނެ ވިގެން ދިޔައީ މިހުރިހާ ސިފަތަކަކާ އެކުގައެވެ. މާތްޞާލިޙް އަޅެއްގެ ގޮތުގައެވެ. ތައުރާތުގެ ހުކުމްފުޅުތައް ހިތުދަސް ބޭފުޅެއް ގޮތުގައެވެ. އެންމެ ތުއްޕުޅު އިރުވެސް، ޢިލްމާއި ފޮތަށް ވަރަށް ދޯޅުބޭފުޅެކެވެ. މޫސާގެފާނަށް ބާއްވާލެއްވުނު ތަވްރާތުގެ މައްސަލަތަކާއި ޙުކުމްތައް ރަނގަޅަށް ދެނެވަޑައިގެން މީސްތަކުންނަށް ފިލާވަޅު ދެއްވުމުގައި ދެމި ހުންނެވިއެވެ. ޢުމުރުފުޅުން، 30 އަހަރުގައި އެންމެމަތީ ޢިލްމުވެރިއަކަށްވެ ވަޑައިގަތެވެ. އެދަރަޖަ ޙާޞިލް ކުރެއްވިއެވެ.
އަދި މީސްތަކުން ހެޔޮމަގަށް ގެނެސްދެއްވުމުގެ ރިސާލަތުގެ މަސައްކަތައިގެން ކުރިޔަށް ވަޑައިގަތެވެ. އަދި އެމަސައްކަތުގައި ދެމި ހުންނެވިއެވެ. މީސްތަކުންގެ ރުހުން ލިބިވަޑައި ގަތެވެ. އަދި މީސްތަކުން ފާފައިން ފޮހެވި ސާފުވުމަށް، ޖޯޑަންކޯރު (JORDEN RIVER) އިން މީސްތަކުން ފެންވަރުވައި ސާފުކުރައްވައި ހެއްދެވިއެވެ. މިކަމާގުޅިގެން ޔަހޫދީން ޔަޙްޔާގެފާނަށް، ޖޯން ދަ ބެޕްޓިސްޓް “ޔޫޙައްނާ މަޢްމަދާން” މިނަމުން ނަން މަޝްހޫރު ކުރިއެވެ.
އަލްމަސީޙް ޢަލައިހިއްސަލާމް (ޢީސާގެފާނު) ވެސް، ޔަޙްޔާގެ އަރިހުން، މިކަން ކުރެއްވިއެވެ. ޔަޙްޔާގެފާނާއި ޢީސާގެފާނު، މިދެބޭކަލުން، ޢުމުރުފުޅުގެ ގޮތުން، ދާދި ކައިރިއެވެ. އިންޖީލް ލޫޤާ ބުނާގޮތުގައި، މަރްޔަމްގެފާނު، ޢީސާގެފާނަށް ބަނޑުފުޅުގައި ގަރުނބަގަތީ، އިލީޞާބާތު ޔަޙްޔާގެފާނަށް ގަނރުނބަގަނެ ބަނޑުފުޅަށް ހަމަހު ތެރޭގައެވެ.
ފަހެ، ޔަޙްޔާގެފާނަކީ، ޙައްޤުބަސް މުސްތަބިއްދު ޙާކިމުންގެ ކުރިމަތީގައި ވިދާޅުވުމަށް އެއްވެސް ކަހަލަ ޖެހިލުމެއްވެ ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ވަރަށް ކެރޭ ބޭފުޅެކެވެ. އަބަދުވެސް ހުރިހާ ޙާލަތެއްގައި ވެސް، ޙައްޤުބަސް ވިދާޅުވުމުގައި ސާބިތުކަމާ އެކު ދެމިހުންނެވި ބޭފުޅެކެވެ.
ފޮތްތަކުގައި ބުނެވޭގޮތުގައި ފަލަސްޠީނުގެ ރަސްކަމުގައި އެދުވަސްވަރު އިންނެވި، ރޯމަނުންގެ ރަސްގެފާނު ހީރޫދީސް އެންޓިޕާޓަރ (HEROD ANTIPARTER, 20 BC – 39 AD) އޭނާގެ އަންބެއްގެ ގޮތުގައި ގުޅުން ހިންގާފައިވާ އަންހެނެއްގެ ހުރި ވަރަށް ރީތި އަންހެން ބޭފުޅަކާ ހިތްޕުޅާވެ ގަނޑުވަރުތެރޭގައި ކައިބޮއި ނިދާ ހަދަން ފުށުމާ އެކު ކައިވެނި ކުރެއްވުމަށް ރަސްގެފާނު ނިންމެވުމުން، އެކަމަކީ، ތަވްރާތްގެ ރިސާލަތާއި ޝަރީޢަތުގައި އޮންނަގޮތުން މަނާވެގެންވާ ބޮޑުފާފަވެރި ކަމެއްކަމުގައި ޔަޙްޔާގެފާނު ރަސްގެފާނަށް ދެންނެވިއެވެ.
ޔަޙުޔާގެފާނު އެކައިވެންޏަށް ހުރަސްއަޅުއްވައި އެކައިވެނި ހިނގިޔަސް އެއީ އެޝަރީޢަތުގައި ބާޠިލް ކައިވެންޏެއް ކަމުގައި ކަނޑައަޅުއްވައި އެހެން ޢާއްމުކޮށް ވިދާޅުވިއެވެ. އެހެނަސް ކަންހިނގި ގޮތަކީ ޔަހްޔާގެފާނުގެ ބަސްފުޅަށް ބެއްލެވުމެއް ނެތި. މިރަސްގެފާނު ރަސްގެފާނު މިކައިވެނީގެ ކަންތައް މަޖަލާއި ނެށުމުގެ ޙަފްލާތަކާއެކު ފެށުމުން، ބޮޑު ފިތުނައެއް ބަނީ އިސްރާއީލު މީހުންގެ ތެރޭގައި އުފެދުނީއެވެ.
ޔަޙްޔާގެފާނުގެ ބަސްފުޅު ގަބޫލު ނުކޮށް، ކައިވެނީގެ މަޖާކުރުމުގެ މި މަހަރްޖާން، ބޮޑުހަފްލާ ތަކުތެރޭގައި އެ އަންހެންމަންޖެ އެދުނީ، ޔަޙްޔާގެފާނުގެ ބޯ ބުރިކޮށްލައިގެން ގެނެސްދިނުމަށެވެ. ދެން ފަހެ، ޔަޙްޔާގެފާނުގެ ބޯބުރިކޮށްލުމަށް ފަހު، ތަބަކަކަށް ލައިގެން ގެނައުމަށް އެންމެން ހަރުއަޑުން ގޮވާލީއެވެ. ޔަޙްޔާގެފާނުގެ ނިމުމަކަށް ވީ މިމައްޖެ ގޮވާލުމެވެ. އިންޖީލްލޫޤާ ބުނާ ގޮތުގައި ޔަޙްޔާގެފާނު މިފިތުނައިގައި ޖަލަށްލެވި ހައްޔަރުކުރެވި، އަދި ޞަލީބަށް ނަގައި ބޯބުރިކޮށް ލެވުނެވެ. މިހުރީ ބަނީއިސްރާއީލު މީހުންގެ ނުލަފާނުބައި ކަމެވެ.
އާދެ! މިފިތުނަގަނޑު ތެރޭގައި ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު އަވަހާރަވެ ނެތިދިއުމަށް ފަހު، ރިސާލަތައިގެން ނުކުމެ ވަޑައިގަތީ، އަލްމަސީޙް ޢަލައިހިއްސަލާމް ޢީސާގެފާނެވެ. ޢީސާގެފާނަށް ކުރިމަގު ދެއްކެވި، އެދުރަކީ، ޔަޙްޔާގެފާނެވެ. ޔަޙްޔާގެފާނަކީ، ޢީސާގެފާނުގެ ރިސާލަތަށް އެންމެ ފުރަތަމަ ތަބާވެވަޑައިގެން ތާއީދު ދެއްވި ބޭފުޅާ އެވެ. ޢީސާގެފާނުގެ މަންމާފުޅު މަރްޔަމްގެފާނުގެ މަންމާފުޅަކީ، ޢިމްރާންގެ އަނބިކަބަލުން ޙައްނާ އެވެ.
ޔޫސުފު އަލްނައްޖާރު:
ޔޫސުފު އަލްނައްޖާރު SAINT JOSEPH އަކީ، މީލާދީން ފުރަތަމަ ޤަރުނުގައި ދިރިއުޅުނު، ޔަހޫދީންގެ ތެރެއިންވާ ޒުވާން ޞާލިޙް ފިރިހެނެކެވެ. މީނާ އަކީ، ޤުރްއާނުގައި ނަންގަނެވިފައިވާ ޝަޚްޞިއްޔަތެއް ނޫނެވެ. އަދި ރަސޫލާގެ ސުންނަތުގައި ވެސް ނަންގަނެވިފައިވާ ބޭކަލެއްނޫނެވެ. މުސްލިމުން ޚާއްސަކުރާ ފަރާތެއް ވެސް ނޫނެވެ.
ﷲ ލަޢުނަތްލެއްވި ޔަހޫދީން ދެކެނީ، މަރްޔަންގެފާނު ވިހެއީ މިޔޫސުފަށް ނަހަލާލަށް ކަމަށެވެ. މިހެން ބުނެ ޒިނޭގެ ދޮގުތުހުމަތު އަޅުވައެވެ. ޔަހޫދީންނާއި ނަސާރާއިން އަގީދާގައި މީނާ، ޔޫސުފް އަކީ ޢިމްރާންގެ ދަރިކަނބަލުން މަރްޔަމްގެފާނައި ކައިވެނި ކުރުމަށް އެންގޭޖްމަންޓް ކުރެވިފައިވާ މީހާއެވެ.
އެމީހުން ގަބޫލު ކުރަނީ މިކަން އޮތީ، މަރްޔަމްގެފާނު ކުއްލިގޮތަކަށް ބަނޑުބޮޑު ވުމުގެ ކުރިން ހަމަޖައްސައި ނިމިފައެވެ. ފަހެ، އެކަމަނާ ކުއްލިގޮތަކަށް ދަރިކަލަކަށް ގަރުނބަގެންފި ޚަބަރު ޔޫސުފް އަލްނައްޖާރަށް ލިބުމުން މީނާގެ ހިތަށް އެރިއެވެ. މިކައިވެނި މިހާ ހިސާބުން ނިމުމަކަށް ގެނެސް ހުއްޓާލަން ވީއެވެ.
އެހެނަސް މީނާއަށް ހުވަފެނުގައި ފެންނަނީ، އެކަމަނާގެ ބަނޑުފުޅު ބޮޑުވުމަކީ އެކަމަނާގެ އަމިއްލަފުޅަށް ކުރިކަމަކުންވީ ކަމެއްނޫން ކަމަށާއި މިކައިވެނި ދޫކޮށް ނުލުމަށެވެ. ދެން، ޔޫސުފު އަލްނައްޖާރުގެ ހިތަށްއެރި އެރުން ދޫކޮށްލައި ކުރިން ހުންނެވި ގޮތުގެ މަތީގައި ދެމިހުންނެވި އެވެ. އަދި މީނާ އަކީ މަރިޔަމްގެފާނުގެ ހުރިހާކަމެއްގެ ބަލަދު ވެރިޔާ ކަމުގައި އެމީހުން ދެކެއެވެ.
މިއީ ހުސް އިސްރާއީލިއްޔާތެވެ. އެމީހުންގެ އަމިއްލަ ވާހަކަތަކެވެ. ކުޑަކޮށް ވެސް މިވާހަކައަށް އިޝާާރާތް ކުރައްވާފައި ވަނީ ތަފްސީރު އިބްނު ކަޘީރުގައެވެ. މިޔޫސުފު ނައްޖާރަކީ މަރްޔަމްގެފާނު ގޮތަށް ހައިކަލްގައި އެދުވަސްވަރު ޚިދުމަތް ކުރުމަށް އުޅުއްވަމުން ގެންދެވި މާތް ބޭކަލެކެވެ. ސާފުކޮށް ކަނޑައެޅިގެން ޤުރްއާނުން އެނގި ފާޅުވާ ގޮތުގައި މަރްޔަމްގެފާނު ތުއްޕުޅު އިރުން ފެށިގެން ބަލަހައްޓަވާ ހެއްދެވި ބަލަދުވެރިއަކީ، ކަފީލަކީ ޒަކަރިއްޔާގެފާނު ކަން އެނގެއެވެ.
މި ޔޫސުފު އަލްނައްޖާރު އުފަންވެ ވަޑައިގަތީ، ފަލަސްޠީނުގެ ބައިތުލަޙަމް (BETHLEHEM) ގައެވެ. އަދި، އަވަހާރަވެ ވަޑައިގަތީ ފަލަސްޠީނުގެ ނާޞިރާ (NAZARETH) ގައެވެ. ނަޞާރާއިން ގާތުގައި، ޔޫސުފު އަލްނައްޖާރަކީ، ކްރިސްޓިއަން އެދުރެކެވެ. އެމީހުންގެ ސެއިންޓު (SAINT) އެކެވެ. ފާދިރީއެކެވެ. އަދި ޢިމްރާންގެ އަނބިކަނބަލުން ޙައްނާ އަކީ ވެސް އެމީހުން ދެކޭގޮތުގައި އެމީހުންގެ ސެއިންޓެކެވެ.
ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމްގެފާނު:
ޢިމްރާން (JOACHIM) އަކީ، ބަނީ އިސްރާއީލު މީހުންގެ ތެރެއިން ޒަޢީމެކެވެ. ޤަދަރު އުފުލިގެންވާ މަތިވެރި ބޭފުޅެކެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި މަރްޔަމްގެފާނުގެ ބައްޕާފުޅެވެ. ބައިބަލްގައި ބޭނުންކޮށް ފައިވަނީ، އަމްރާމް (AMRAM) އެވެ. އަދި ބައިބަލްގެ އަހްލުވެރިން ގާތުގައި އަމްރާންގެ އަނބި ކަނބަލުންނަކީ، ލާވީގެ ދަރިކަނބަލުން ޔޫކާބިދު (JOCHEBED) އެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި މަރްޔަމްގެފާނުގެ މަންމާފުޅަކީ ވެސް މީނާއެވެ. ޔޫކާބިދެވެ.
އެހެނަސް ޤުރްއާންގައި ވާރިދު ވެފައިވަނީ، ޢިމްރާން ގެނަމުންނެވެ. ޤުރްއާނުގައި އާލުޢިމްރާން ސޫރަތުގެ ނަންދެވިފައި އެވަނީ، މިބޭފުޅާގެ ނަމުންނެވެ. އަދި އިސްލާމީ ޢަޤީދާގައި މަރްޔަމްގެފާނުގެ މަންމައަކީ ޙިއްނާ ބިންތު ނާޤޫޛް އެވެ. ފަހެ، ޢިމްރާންގެ އަނބިކަނބަލުން ޙައްނާ (ANNE) ޢުމުރުން ދުވަސްވެފައި ވަނީ، ދަރިކަލަކު ނުލިބިއެވެ.
ތަފްސީރު ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައި ވަނީ، ޙައްނާއަކީ ދުވަހަކުވެސް މިހައިތަނަށް ވިހެއި އަންހެނެއް ނޫނެވެ. އެއްދުވަހެއްގައި ވިހައިގެންއުޅޭ ދޫންޏެއް އޭގެޅަދަރިންނަށް ހާލީގައި ކާންދޭ މަންޒަރު ފެނިވަޑައި ގަތުމުން ދަރިކަލެއްގެ ޝައްޤުވެރިކަން އިންތިހާއަށް އުފެދުނީއެވެ.
ދެން ފަހެ، އިންސާނީ ޠަބީޢަތުގެ މަތިން އެކަމަނާގެ އުންމީދަކަށްވީ، ﷲ އެކަމަނާއަށް ދަރިކަލަކު ރިޒްޤު ކުރެއްވުމެވެ. އަދި މަންމައަކަށް ވީހާއަވަހަށް ވުމެވެ. މިއެދުމުގެ މަތިން، ﷲ އަށް އަވަދިނެތި އަބަދުވެސް ދަންނަވަމުން ގެންދެވިއެވެ. އަދި، ބައިތުލް މަޤްދިސް (ހައިކަލް) މިޙްރާބްގައި، ﷲ އަށް އަޅުކަން ކުރެއްވުމުގައި ރެއާއި ދުވާލު ހޭދަކުރައްވަމުން ގެންދެވިއެވެ.
ބަނޑުގައި ދަރިކަލަކު ގަނރުބަގެންފި ކަން ޔަޤީންފުޅު ވުމުން، ބައިތުލް މަޤްދިސް އަށް ޚިދުމަތް ކުރުމުގައި ދެމިހުންނެވުމަށާއި ލިބޭ ދަރިކަލުން، ﷲ އަށް އަޅުކަން ކުރުމަށް ބައިތުލްމަޤްދިސްގެ ޚިދުމަތަށް ދެއްވާނެކަމަށް ނަދުރެއް ކަށަވަރު ކުރެއްވިއެވެ. އަދި، ﷲ އަށް ދުޢާދެންނެވުން މަތީގައި ދުވަސްތަކާއި ރޭތައް ހޭދަކުރެއްވި އެވެ.
ދެން ފަހެ، ﷲ އެކަމަނާގެ ދުޢާތައް އިޖާބަކުރައްވައި ފިއެވެ. އަދި، ދަރިކަލަކަށް ގަރުނބަގަނެ، ބަނޑުފުޅުގައި އެދަރިކަލުން ތޮޅެން ފަށައިފިއެވެ. ޢިމްރާން އާއި ޙައްނާ އުފާވެރިވެ ހިތްހަމަޖެހި ވަޑައިގަތެވެ. ދަރިކަލުން ދުށުމުގެ ފޮނި އުންމީދާއި އުފަލުގައި އިންތިޒާރު ކުރަމުން ގެންދެވިއެވެ. އެހެނަސް އެކަމަނާ ވިހެއުމުގެ ކުރިން ޢިމްރާން އަވަހާރަ ވެއްޖެއެވެ. ޢިމްރާނަށް އެމާތް ދަރިކަލުން ދުށުމުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންނެވޭ ގޮތްނުވެ ދުނިޔެ ދޫކުރެއްވީ އެވެ.
ދެން ފަހެ، ދުވަސްފުރުމުން އެކަމަނާ ވިހެއީ، އަންހެން ދަރިކަނބަލެކެވެ. ނަމަކަށް ދެއްވީ، މަރްޔަމްއެވެ. ދެން، ހައިކަލްގެ އަހްލުވެރިން، މިތުއްތު ދަރިކަލުން ބެލުމަށް ޙަވާލުވާނެ ފަރާތަކާ މެދު، ޒުވާބުދީ މަޝްވަރާކޮށް ނިންމީ ޤުރުޢަތު ލުމަށެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެދުވަސްވަރަކީ، ބަނީ އިސްރާއީލު މީހުންނަށް ވަރަށް ތަދު ދުވަސް ވަރެކެވެ. ފަހެ، މިޤުރްޢަތުލުމުން، އެޚިދުމަތް ދިނުމަށް ހޮވުނު ބޭފުޅަކީ، ޔަހްޔާގެފާނުގެ ބައްޕާފުޅު، ޒަކަރިއްޔާގެފާނެވެ.
އޭރު، ޒަކަރިއްޔާގެފާނަށް، އަދި ދަރިކަލަކު ލިބިވަޑައެއް ނުގަނެއެވެ. ހުންނެވީ، ދަރިކަލެއް ތަރްބިއްޔަތު ކުރުމުގެ އުންމީދާއި އުފަލުގައެވެ. އެހެންވެ މިކަމާ އެކަލޭގެފާނު ހިތްޕުޅާވި އެވެ. ފަހެ، މަރްޔަމްގެފާނު ބަލާބޮޑު ކުރެއްވުމުގެ ހުރިހާ ޒިންމާއެއް ޒަކަރިއްޔާގެފާނު ނަންގަވައިގެން މިޙްރާބްގެ ޚިދުމަތުގައި ދެމިހުންނެވިއެވެ. މަރްޔަމްގެފާނަކީ، ޒަކަރިއްޔާގެފާނުގެ އަނބި ކަނބަލުންގެ ދައްތަގެ ދަރިކަލެއް ކަމުން މަރްޔަމްގެފާނަށް ކުލުނާއި ތިމާގެކަމުގެ ލޯބިއޮތެވެ.
އާދެ! މަރްޔަމްގެފާނު ފަރާތްޕުޅުން، ޒަކަރިއްޔާގެފާނަށް އާދަޔާޚިލާފު ކަންތައްތަކެއް ފެނިވަޑައި ގަތެވެ. އެކަމަނާގެ އަރިހަށް ކޮޓަރިކޮޅަށް ރިޒްޤު ބާއްވާލައްވާ ގޮތާމެދު ގައެވެ. ހޫނު މޫސުމުގެ މޭވާތައް ފިނިމޫސުމުގައި އެކަމަނާގެ ކުރިފުޅުމަތިން ފެނެއެވެ. އަދި، ފިނި މޫސުގެ މޭވާތައް ހޫނު މޫސުމުގައި އެކަމަނާގެ ކޮޓަރިކޮޅުން، ޒަކަރިއްޔާގެފާނަށް ފެނިވަޑައި ގަނެއެވެ. އަދި، އެކޮޓަރިކޮޅަށް އެއްވެސް މީހަކުވަދެ ހަދާތަނެއް ފެނިވަޑައި ގެންފައެއް ނުވެއެވެ.
ފަހެ، ޒަކަރިއްޔާގެފާނަށް އެނގުމަކާނުލައި އެކޮޓަރިކޮޅަކީ އެއްވެސް މީހަކަށް ކައިރިވެވޭނެ ތަނެއްނޫންމެ އެވެ. މިފަދަ ކަންތައް، ތަކުރާރުވަމުން ދާތަން، ޒަކަރިއްޔާގެފާނަށް ފެނިވަޑައި ގަންނަވާތީ، މަރްޔަމްގެފާނު އަރިހުން، މިއީ ކޮންތާކުން އަންނަ ކާނާއެއްޗޯ އެއްސެވުމުން، އެހިނދު އެކަމަނާ ވިދާޅުވިއެވެ! މިއީ، ﷲގެ ޙަޟްރަތުން ދެއްވާ ރިޒްޤެވެ!
ޤުރްއާންގެ އާލުޢިމްރާން ސޫރަތުގެ، 35، 36، 37، އަދި، 44 ވަނަ އާޔަތް ބައްލަވާ ލައްވާށެވެ!
إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ إِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾
ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤﴾
“ޢިމްރާންގެ އަންހެނުން (ﷲ ޙަޟްރަތަށް) ދެންނެވި ދެންނެވުން (ކަލޭގެފާނުން “މުޙައްމަދުގެފާނު” މީސްތަކުންނަށް ކިޔައި ދެއްވާށެވެ!) އޭ! މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަން ބަނޑުގައިއޮތް ދަރި (އެހެން ހުރިހާ މަސައްކަތަކުން) މިނިވަންކޮށް، ﷲގެ (ގެފުޅުގެ) ޚިދްމަތަށްޓަކައި ދިނުމަށް ނަދުރުގެންފީ މެވެ. ފަހެ، ތިމަންގެ ކިބައިން މިކަން ޤަބޫލު ކުރައްވާނދޭވެ! ﷲ އީ (އަޅުތަކުންގެ ދުޢާ) އައްސަވައި ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ." (35)
"ދެން ފަހެ، އޭނާ އެކުއްޖާ ވިހޭ ހިނދު ދެންނެވިއެވެ. އޭ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަންނާ ވިހޭ ދަރިއަކީ، އަންހެން ދަރިއެކެވެ. އޭނާ ވިހެއީ ކޮންކަހަލަ ކުއްޖެއްކަން، ﷲ ދެނެވޮޑިގެން ވެއެވެ. އަދި، އަންހެން ކުއްޖާ، ފިރިހެން ކުއްޖާއާއި އެއްފަދައެއް ނޫނެވެ. (އޭނާ ދެންނެވިއެވެ.) ތިމަންނާ އެކުއްޖާއަށް މަރްޔަމްއެވެ، ކިޔައި ނަންދީފީމެވެ. އަދި، ﷲގެ ރަހްމަތުން ބޭރުވެގެންވާ ޝައިޠާނުގެ ކިބައިން އެކުއްޖާއާއި އެކުއްޖާގެ ދަރިކޮޅު ރައްކައުތެރިކޮށް ދެއްވުމަށް، ﷲ އަށް އެދި ދަންނަވަމެވެ." (36)
"ދެން ފަހެ، އެކުއްޖާ ހައްދަވައި ބޮޑު ކުރައްވާ ރަސްކަލާނގެ (އެކުއްޖާގެ މަންމަގެ ކިބައިން) ރިވެތި ގޮތެއްގައި އެކުއްޖާ ޤަބޫލް ކުރައްވައި، އަދި ފުރިހަމަ ރިވެތި ގޮތެއްގައި އެކުއްޖާ ބޮޑު ކުރައްވައި ފިއެވެ. އަދި އެކުއްޖާގެ ކަންތަކައި، ޒަކަރިއްޔާގެފާނުން ޙަވާލުވެވަޑައި ގެންފިއެވެ. އަދި (މަރްޔަމްގެފާނު) އެތާނގައި އިންނަވަނިކޮށް، އޭނާގެ އަރިހަށް ޒަކަރިއްޔާގެފާނު، ވަދެވަޑައި ގަންނަވާ ކޮންމެފަހަރަކު، އޭނާގެ އަރިހުގައި ކާތަކެތި ހުއްޓާ ދެކެވަޑައި ގަނެއެވެ. އޭނާ (މަރްޔަމްގެފާނަށް) ވިދާޅުވިއެވެ އޭ! މަރްޔަމުއެވެ! މިތަކެތި ކަނބުލޭގެފާނަށް ލިބެނީ ކިހިނަކުން ހެއްޔެވެ؟ (މަރްޔަމްގެފާނުން) ވިދާޅުވިއެވެ! އެއީ، ﷲގެ ޙަޟްރަތުންނެވެ! ހަމަކަށަވަރުން، ﷲ އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއްވެސް ހިސާބަކައި ނުލައި ރިޒްޤު ދެއްވައެވެ." (37)
“މިވާހަކަ ތަކަކީ، ޣައިބުގެ ތެރޭން ހިމެނޭ ވާހަކަ ތަކެކެވެ. ތިމަން ﷲ އެވާހަކަތައް ކަލޭގެފާނަށް ވަޙީއިން އަންގަވަނީއެވެ. ފަހެ، އެމީހުން (ގެ ތެރެއިން މަރްޔަމްގެފާނު ބެލުމައި ޙަވާލުވާނޭ މީހަކު ހޯދުމަށްޓަކައި ޤުރްޢަތުލުމުގެ ގޮތުން) އެމީހުންގެ ޤަލަންތައް އެއްލިހިނދު އެމީހުންގެ ގާތުގައި ކަލޭގެފާނެއް ނެތީމެވެ. އަދި، އެމީހުން އެމީހުންނައި ދެބަސްވެ ޚިލާފުވީ ހިނދުގައި ވެސް، އެމީހުންގެ ގާތުގައި ކަލޭގެފާނެއް ނެތީމެވެ." (44)
އާދެ! ޢިމްރާން ދުނިޔެ ވަޑައިގަތީ، ޤުދުސްގައެވެ. އަދި، އަވަހާރަވެ ވަޑައިގަތީ ވެސް، ޤުދުސްގައެވެ. ޢިމްރާންގެ އަނބި ކަނބަލުން ޙައްނާ އަކީ، މަރްޔަމްގެފާނުގެ މަންމާފުޅެވެ. މަރްޔަމްގެފާނަކީ، ޢީސާގެފާނުގެ މަންމާފުޅެވެ. ޢީސާގެފާނުގެ ކާފައާއި މާމާފުޅަކީ، ޢިމްރާނާއި ޙައްނާއެވެ. ޤުރްއާންގައިވާ ގޮތުން، މަރްޔަމް އަކީ، ހާރޫންގެފާނުގެ އުޚްތެވެ. ދައްތައެވެ. އަދި މޫސާގެފާނުގެ ވެސް ދައްތައެވެ. ފަހެ، އެއީ ޢިމްރާނުގެ ޢާއިލާއެވެ. މާތްވެގެންވާ ޢާއިލާއެކެވެ.
ޢީސާގެފާނު:
މަރްޔަމްގެފާނު އާދައިގެ މަތިން، ބައިތުލްމަޤްދިސް މިޙްރާބުގައި އިޢްތިކާފަށް އިންނަވަނިކޮށް، އެއްދުވަހު ކުއްލިއަކަށް ކުރިފުޅުމަތީގައި މީހަކު ހުއްޓި ހުއްޓައި ފެނިވަޑައި ގަތެވެ. އެހިނދު ހިތްޕުޅަށް އަރާވަޑައި ގަތެވެ. އަދި ސުވާލުތައް އުފެދުނެވެ. ތިމަންކަމަނާ ގިނިކަންޏާ ވަނިކޮށް މިފެނުނީ ކާކުބާވައެވެ. ކީއްކުރަންއައި ބޭފުޅެއް ބާވައެވެ. ފަހެ، އެބޭކަލަކު، އެކަމަނާއަށް ބަސްފުޅު ދެންނެވުމުން، އިންތިހާއަށް ޢަޖައިބުވެ ވަޑައިގަތެވެ. އެކަމާގުޅިގެން ޤުރްއާންގައި ވަނީ މިފަދައިންނެވެ!
މަރްޔަމް ސޫރަތުގެ، 19 ވަނަ އާޔަތް ބައްލަވާށެވެ!
قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا ﴿١٩﴾
“(އެ މަލާއިކަތާ ބުންޏެވެ:) އަހުރެންނަކީ ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލެކެވެ! (އެކަލާނގެ ވަޙީކުރައްވައެވެ:) އަހުރެން ކަމަނާއަށް، އުޅުން މަތި، (ނުހަނު) ޠާހިރު، (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާ ހުށީމެވެ!”
ދެން ފަހެ، އެހިނދު މަރްޔަމްގެފާނަށް، ސިހުމާއެކު ގަދައަޑުން ވިދާޅުވެވުނީ، މިފަދައިންނެވެ! އެ ސޫރަތުގެ، 20 ވަނަ އާޔަތް ބައްލަވާށެވެ!
قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا ﴿٢٠﴾
“(އެ ކަމަނާ ބުންޏެވެ:) އަޅާއަށް ދަރިއަކު، ލިބޭހުށީ ކޮންއިރަކުން ތޯއެވެ؟ އަދި މިވީހައިތަނަށް ދުވަހަކު ވެސް، އަޅުގެ ގައިގައި، އެއްވެސް ބަޝަރަކު (އިންސާނަކު) ޖެހިފައެއް ނުވެއެވެ! އަދި، އަޅު އަބުރުނެތް ގޮތެއްގައި ނުމެއުޅެން މެއެވެ!”
ދެން އެހިނދު އެމަލާއިކަތާ ޖަވާބުގައި މަރްޔަމްގެފާނަށް ދެންނެވިއެވެ! އެ ސޫރަތުގެ، 21 ވަނަ އާޔަތް ބައްލަވާށެވެ!
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ﴿٢١)
“އެ މަލާއިކަތާ ބުންޏެވެ: ތިޔަހެންމެ ހެއްޔެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙި ކުރައްވައެވެ: އެއީ އަހުރެންނަށް، ދާދި ފަސޭހަ ކަމެކެވެ! އަދި، (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެދަރިފުޅަކީ، އަހުރެމެންގެ ޙަޟްރަތުން މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް އަދި، ރަހްމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި، (ދަންނާށެވެ!) މިއީ، އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ!”
ﷲ މިދެއްވި ރިޒްޤުފުޅަށް މަރްޔަމްގެފާނު ހިތުގެ އެންމެފުންމިނުން ރުހިވަޑައި ގަތެވެ. ދެން، އެމަލާއިކަތާ އެކަމަނާގެ ލިބާސްކޮޅުގެ ޖީބަށް، ފުމެލެއްވި ހިސާބުން އެކަމަނާގެ ބަނޑުފުޅުގައި ދަރިފުޅަކު ގަރުނބަގެން ފިއެވެ. ފަހެ، އެއީ ޢީސާގެފާނެވެ!
ޤުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ، 91 ވަނަ އާޔަތް ބައްލަވާށެވެ!
والَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ ﴿٩١﴾
“އަދި، އެބޭކަނބަލެއްގެ ފަރްޖު ރައްކައުތެރި ކުރެއްވި، (މަރްޔަމްގެފާނު) ތިމަން، ﷲ ފޮނުއްވި ރޫޙުފުޅަ ކުން، އެކަނބުލޭގެފާނުގެ ބަނޑުފުޅު ބޮޑުކުރެއްވީމެވެ. އަދި، އެކަނބުލޭގެފާނާއި އެކަނބުލޭގެފާނުގެ ދަރިކަލުން، (ޢީސާގެފާނު) ޢާލަމްތަކަށް ފާޅުވެހުރި (ކުޅަދުންވަންތަ ކަމުގެ) އާޔަތެއް ކަމުގައި ލެއްވީމެވެ.”
ދެންފަހެ، ސުވާލަކީ، މިޙަޤީޤަތްތައް ދަނެނެތްމީހާ، ޚިޔާރުކުރާނެ މަގަކީ، ކޮބައޮތޯއެވެ؟ ހިތަށް އަރާއި ފައިބައިގެންދާނެ ވަސްވާސް ތަކާއި ވަހުމްތަކަކީ، ކޮބައިތޯއެވެ؟ ﷲގެ ޤުދްރަތީ މިހަމަތަކުގެ މަތިން، މަރްޔަމްގެފާނުގެ ބަނޑުފުޅުގައި، ޢީސާގެފާނު ގަރުނބަގަނެ، ހެދިބޮޑުވާން ފަށައިފިއެވެ!
ދެން ފަހެ، އެކަމަނާގެ ވިސްނުން ފުޅުތައް ގިނަގުނަވެ، އެކިގޮތްގޮތަށް އެނބުރޭން ފަށައިފިއެވެ. ޙަޤީޤަތްދަނެ ނެތް އެކިފަރާތްތަކުން އުފައްދާނެ ވަހުމްތަކާއި ސުވާލުތަކާއި އެކިމީހުންގެ ފިކުރުތައް ހުންނާނެ ގޮތްތަކާ މެދު، ވިސްނުންފުޅު ގިނަވެއްޖެއެވެ! ދެން، އެހިނދު އެކަމަނާ ބައިތުލްމަޤްދިސުން ނުކުމެވަޑައިގެން، ނާޞިރާ އޭ ކިޔުނު ޝަހަރަށް ވަޑައިގެން ކުޑަޖިފުޓިއެއްގައި، މީސްތަކުންނައި ވަކިން، މަޑުކުރެއްވިއެވެ.
އަދި، އެއަށްފަހުގައި، މަލާއިކަތްބޭކަލެއްގެ ލަފާގެ މަތިން ފަލަސްޠީނުގެ އެހެންރަށެއް ކަމުގައިވާ، ބައިތުލްލަޙްމަށް ވަޑައިގަތެވެ. ފަހެ، އެކަމަނާގެ ބަނޑުފުޅަށް ދުވަސްހަމަވެ، ވިހެއުމުގެ ތަދުތައް އިޙްސާސް ކުރައްވަން ފެއްޓެވުމުން، އެކަމަނާ ގިނިކަންޏައި ހިކި ކަދުރު ރުކެއްގެ ދަށަށް ނުކުމެވަޑައި ގަތެވެ. ދެން އެކަދުރުރުކުގެ ދަށުގައި އެކަމަނާ، ޢީސާގެފާނު ވިހެއީއެވެ. މާތްވެގެންވާ ދަރިކަލުން ފެނިވަޑައިގަތުމުން، ހިތްހަމަޖެހި ވަޑައިގަނެ، ހިތްޕުޅާވެ އުފާކުރެއްވިއެވެ. އެހެނަސް ޤައުމުގެ މީހުން ސިފަކުރާނެ ގޮތަކާ މެދު، ފިކުރުބޮޑުވެ ވަޑައިގެން ވިދާޅުވިއެވެ!
ޤުރްއާނުގެ މަރްޔަމް ސޫރަތުގެ، 23 ވަނަ އާޔަތް ބައްލަވާށެވެ!
فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا ﴿٢٣﴾
“ދެން، (އެދަތުރުމަތީގައި) އެކަމަނާއަށް ވިހެއުމުގެ ވޭންވަރު އައިސް ޖެހުމުން، ކަދުރު ރުކެއްގައި ހިފަހައްޓައި ގެން އޮށޯވެ، އިންނާން ޖެހުނެވެ! ދެން، (ވޭންވަރު ނަގައި ގަތީމައި) އެކަމަނާއަށް ބުނެވުނެވެ: ސަހަރޯއެވެ! މިކަން ޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތި ގޮސްފައި ވީ ނަމައެވެ!”
މިއަށްފަހު، ދެން އެކަމަނާ، ވިސްނައި ވަޑައިގަތީ، ކެއުމާއިބުއިމުގެ މައްޗަށެވެ. ތުއްޕުޅު ދަރިކަލުންނަށް ކިރުފޮދު އަރާފުރިފައި ހުއްޓެވެ. ފަހެ، އެހިނދު މަލާއިކަތްބޭކަލަކު، އެކަމަނާއަށް ގޮވާލެއްވި އަޑުފުޅު އިވިވަޑައި ގަތެވެ. ހަމަ އެސޫރަތުގެ، 24 ވަނަ އާޔަތުން ފެށިގެން، 26 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!
فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ﴿٢٤﴾
وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥﴾
فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ﴿٢٦﴾
“ދެން، އެކަމަނާއޮތް ބިމަށްވުރެ ތަންކޮޅެއް ތިރީން، އެކަމަނާއަށް ނިދާއެއް އަޑުއިވުނެވެ: (ކަންބޮޑުވެ) ހިތާމަނުކުރާ ހުށިކަމެވެ! ހަމަ ކަށަވަރުން، ކަމަނާގެ ވެރި ރަސްކަލާނގެ ކަމަނާ ތިޔައޮތް ބިމަށްވުރެން ތަންނޮޅެއް ތިރީން، ފެންއާރެއް އޮހެރޭނޭގޮތް ވަނީ، ހަމަޖައްސަވައި ނިންމަވައިފައެވެ." (24)
"ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި ކަމަނާއާއި ދިމާއަށް ހަލުވައިލާހުށި ކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތައް، ކަމަނާގެ ކައިރިއަށް އެޅޭނެއެވެ." (25)
"ދެން، އެކަދުރުކައި ތިޔައޮތް ފެން އާރުން ފެންބޮއި، އަދި، މޫނުދޮވެ، ލޮލަށް ފިނިކޮށް، ހިތްހަމަ ޖައްސާހުށި ކަމެވެ! ދެން، ކަމަނާއަށް މީހަކު ފެނިއްޖެނަމަ، ބުނާށެވެ: ހަމަކަށަވަރުން، އަހުރެން މިއިނީ، ރަހްމާނުވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމައި، އަދު އަހުރެން، އެއްވެސް މީހަކާއި ވާހަކަދައްކައި އުޅޭކަށް ނެތީމެވެ!" (26)
”ފަހެ، ﷲގެ ކުޅަދުންވަންތަ ކަމާއެކު، އެކަމަނާއަށް، ﷲގެ ހިޔާވަހިކަމާއި ކެއުމާއި ބުއިމުގެ އެންމެހާކަންކަން ޙައްލުވެގެން ދިޔައެވެ. ﷲގެ ރަޙްމަތާއި އޯގާވަންތަ ކަމުގެ ކޮޅެއްނެތެވެ."
ދެން އޮތީ ޤައުމުގެ މީސްތަކުން ތެރެއަށް އެކަމަނާ ނުކުމެ ވަޑައިގަތުމުން، އެބައިމީހުން ކުރިމަތި ކުރާނެ ތުހުމަތުތަކުގެ މައްސަލަ އެވެ. އަދި އެ ތުހުމަތުތަކައި ކުރިމަތި ލައްވާނެ ގޮތެކެވެ؟ ހަމަ އެސޫރަތުގެ، 27 ވަނަ އާޔަތާއި، 28 ވަނަ އާޔަތަށް ބައްލަވާށެވެ!
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ﴿٢٧﴾
يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨﴾
“އެކަމަނާ އޭނާ (ޢީސާގެފާނު) ގޮވައިގެން، ސަވާރީއެއް މަތީގައި އޭނާގެ ޤައުމުގެ މީހުންގެ ގާތަށް އައެވެ. ފަހެ، އެއުރެން ބުންޏެވެ: އޭ! މަރިޔަމް އެވެ! ކަމަނާ ތިޔަގެންނެވި (ނަބީކަމުގެ ދަޢްވާއަކީ) ޢަޖައިބުވާ ފަދަ އެއްޗެކެވެ." (27)
އޭ! ހާރޫނު (ގެފާނުގެ) ޢާއިލާއިން ވަޑައިގެން އިންނެވި އުޚްތާއެވެ! ކަމަނާގެ ބައްޕައަކީ، ނުބައި މީހެއްނޫނެވެ. އަދި ކަމަނާގެ މަންމައަކީ، އަޚްލާޤު ގެއްލިފައިވީ އަންހެނެއް ވެސް ނުމެ ނޫންމެއެވެ". (28)
ޤައުމުގެ މަގުފުރެދިފައި ތިބި މީހުންގެ މިވާހަކަތަކަށް ޖަވާބެއް ދެއްވުމަށް ޓަކައި މަލާއިކަތުން އެކަމަނާއަށް އުގަންނައި ދެއްވިއެވެ. ބަސްފުޅެއް ވިދާޅުނުވެ މަޑުން ހުންނެވުމަށް ފަހު، ތުއްޕުޅު ދަރިކަލުންނަށް އިޝާރަތްކޮށް ލެއްވުމަށް ދެންނެވުމުން އެކަމަނާ އެކަން ކުރައްވައި، އެ މުޢުޖިޒާތް އެޤައުމުގެ މީހުންނަށް ދެއްކެވިއެވެ.
ފަހެ، މިވާހަކަތައް މިވަނީ މިސޫރަތުގެ، 26 ވަނަ އާޔަތުގެ މާނާގައި ގެނެސްދެވިފައެވެ.
ދެން ފަހެ، އެކަމަނާގެ ތުއްޕުޅު ދަރިކަލުން، ޢީސާގެފާނަށް އިޝާރާތްކޮށް ލެއްވުމާއެކު، އެ ތުއްތު ތުއްތު ކުއްޖާ ޅަފަތުގައި އޮވެ ވާހަކަ ދެއްކެވީއެވެ. މިކަންތައް ޤައުމުގެ މީހުންނަށް މުޢުޖިޒާތް އަކަށް ވެގެން ދިޔައެވެ. މިއީ، ﷲ އެމީހުންނަށް ދެއްކެވި ބޮޑުވެގެންވާ މުޢުޖިޒާތް އެކެވެ. މާއްދީ ގޮތުން ކުރިމަތީގައި ހަމަލޮލަށް ފެންނަގޮތަށް ދެއްކެވި މުޢްޖިޒާތް އެކެވެ. އެމީހުން މިކަންކަމާ ހެދި އީމާންވެ ތެދުމަގަށް އާދޭތޯއެވެ.
ހަމަ އެސޫރަތުގެ، 29 ވަނަ އާޔަތުން ފެށިގެން، 33 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!
فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ﴿٢٩﴾
قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴿٣٠﴾
وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾
وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا ﴿٣٢﴾
وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣﴾
“ފަހެ، (ޖަވާބު ދިނުމަށް) އެކަމަނާ އިޝާރަތްކޮށް ލެއްވީ، އެކަމަނާގެ ދަރިފުޅު (ޢީސާގެފާނު) އައި ދިމާއަށެވެ. އެއުރެން (މަލާމާތުގެ ގޮތުގައި) ބުންޏެވެ: ބަލަ! އަހުރެމެން (މިތިބަ ދުވަސްވީ ބޮޑެތި ޢިލްމުވެރިން) ނަށް، އުނގުގައި އިން ޅަކުއްޖަކައި (މިބާވަތުގެ) ވާހަކަ ދެއްކޭނީ، ކިހިނަކުން ހެއްޔެވެ؟" (29)
"ނަމަވެސް އޭނާ (މަރިޔަމްގެ ދަރިފުޅު، ޢީސާގެފާނު) ޖަވާބު ދެމުން ބުންޏެވެ: ހަމަކަށަވަރުން އަހުރެންނަކީ، ﷲގެ އަޅަކީމެވެ! އެކަލާނގެ މިއަޅާއަށް ފޮތް (އިންޖީލް) ބާވައިލައްވައި، އަޅާއަކީ، ނަބީ އަކަށް ހެއްދެވިއެވެ!" (30)
"އަދި ކޮންމެ ތަނަކުގައި އަޅާއީ ބަރަކާތްލެއްވި އަޅަކަށް ހައްދަވައި ފިއެވެ! އަދި، އަހުރެން ދިރިދެމިހުރިހައި ހިނދަކު، ނަމާދު ކުރުމާއި ޒަކާތްދީ އުޅުން، އެކަލާނގެ އަހުރެންގެ މައްޗަށް ފަރްޟު ކުރައްވައި ފިއެވެ!" (31)
"އަދި އަހުރެންގެ މަންމާއަށް ހެޔުކޮށް ހިތުމަށް ވެސް (އެކަލާނގެ އަހުރެއްނަށް އަމުރު ކުރައްވާފައި ވެއެވެ!) އަދި، އަހުރެންނަކީ، ބަރަކާތް ތެރިކަމުން ކެނޑިގެންވާ ޖައްބާރަކު ކަމުގައި ނުލައްވަތެވެ!" (32)
"އަދި، އަހުރެން (ދުނިޔެ މައްޗަށް) ވިހެއި ދުވަހު ގައްޔާއި މަރުވާނޭ ދުވަހުގައްޔާއި އަލުން އަނެއްކާ ފުރާނަ އަޅުއްވައި، ނަންގަވާނޭ ދުވަހުގައި ވެސް، އަހުރެންގެ މައްޗަށް (އެކަލާނގެ ޙަޟްރަތުން) ސަލާމް ލިބިގެންވާ ހުށިމެއެވެ!" (33)
ފަހެ، މަގުފުރެދިފައި ތިބި، ބަނީ އިސްރާއީލު މީހުންގެ ތެރެއިން މިވާހަކަތައް ޤަބޫލްކުރީ ވަރަށް މަދު ބައެކެވެ. ދެން ތިބި ގިނަމީހުން ދުށީ، ސިހުރު ހާހޫރައިގެ ކަމެއް ކަމަށެވެ. ލޯތަކަށް އޮޅުވާލެވުނު، ފަންޑިތަ ވެރިކަމުގެ އޮޅުވާލުމެއް ކަމަށެވެ. ފަހެ، ބަނީ އިސްރާއީލުގެ ގިނަމީހުން ދެމިތިބީ، މިގޮތުގެ މަތީގައެވެ. ﷲ ދެއްކެވި، މިމުޢުޖިޒާތް ޤަބޫލެއް ނުކުރިއެވެ. މި އޮއިވަރުގެ މަތީގައި ތިބެ، މަގުފުރެދިގެން ދިޔައީއެވެ. ﷲގެ ކޯފާއަށް އަނެއްކާ ވެސް ހުށައެޅި ގަތީ އެވެ. ބަހަނާ ވާހަކަތައް އުފައްދައިގެން ފެތުރީއެވެ.
ޢީސާގެފާނަކީ، ބައްޕައަކު ނެތް ދަރިއެއް ކަމުގައި ނިސްބަތްކޮށް ގަތީއެވެ. އަދި މަރިޔަމް ގެފާނަކީ، ބޮޑު ބުހުތާނެއް ހެއްދެވި ކަމަނާއަކަށް ސިފަކޮށް ޤަބޫލުކޮށް ގަތީއެވެ. ފަހެ، މިމީހުންނަކީ ތެދުމަގު ޤަބޫލު ކުރާނެ ބައެއްނޫނެވެ. މަގުފުރެދިގެންވާ ބައެކެވެ. ބޯހަރުބައެކެވެ.
މިތާގައި ސުވާލުކޮށް ވިސްނާލަން ޖެހެނީ، މިމީހުންގެ ގާތަށް ނަބީއަކު، މިފަދަ މުޢުޖިޒާތަކާ އެކު ފޮނުއްވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ޢީސާގެފާނު ބައްޕައަކައި ނުލައި، ޚަލްޤުކުރެއްވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ މި ސުވާލަށް ބައެއް ޢިލްމުވެރިން ޖަވާބު ދެއްވައި ލިޔުއްވާފައި ވެއެވެ.
އެގޮތުން އަޒްހަރު ޔުނިވަރސިޓީގެ ތިޔޮލޮޖީ ކޮލެޖްގަޔާއި ކައިރޯ ޔުނިވަރސިޓީ ގައި ޕްރޮފްސަރުކަން ކުރައްވާފައިވާ، އަލްއުސްތާޒް މުޙައްމަދު އަބޫ ޒަހްރާ (MUHAMMAD ABU ZAHRA, 1898 – 1974) ރަޙިމަހުﷲ ތަޢާލާ، ވިދާޅުވެފައި ވަނީ، މިފަދައިންނެވެ.
“ޢީސާގެފާނު ބައްޕައަކައި ނުލައި އުފަން ކުރެއްވުމުގައި ބޮޑުވެގެންވާ ޙިކްމަތެއް ވެއެވެ. ބަނީ އިސްރާއީލު މީހުން (ޔަހޫދީން) ނަކީ، ސަބަބައި އަދި، ސަބަބު މެދުވެރިވާ ގޮތައި ގުޅުވައިގެން، ރޫޙާނީ ވިސްނުމެއްގެ ބަދަލުގައި މާއްދީ ޢަޤީދާއެއް ގެންގުޅޭ ވަރަށް މާއްދީ ވިސްނުމެއްގެ ބައެކެވެ. އެމީހުންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަ ފަލްސަފާއަކީ، މުޅިކައުނު އެންމެ ފުރަތަމަ އުފެދުމުގައި ވެސް މާއްދީގޮތުން، ޢިއްލަތްތަކެއް ގުޅިފައިވާ ކަމަށެވެ. ޤުދްރަތީ ބާރަކުން އުފެދިގެންއައި ކަމެއް ނޫންކަމަށެވެ. ފަހެ، އެހިނދު، ﷲ ކަނޑައަޅުއްވައި ނިންމެވީ އެކަލާނގެ ޤުދްރަތްފުޅަކީ، ސަބަބައި އަދި، ސަބަބު މެދުވެރިވާ ހިނދުގައި ވެދާނެ އެއްޗެއްކަން ހާމަކޮށް ދެއްވުމަށެވެ. ﷲގެ ޤުދްރަތްގެ އެޤާނޫނަކީ، ސަބަބު މެދުވެރިވާނެ މާއްދީގޮތެއް ނެތަސް، ﷲގެ ވާގިފުޅާއި އިރާދަކުރެއްވުމުން ކަމެއްވާށޭ އަމުރުކުރެއްވުމުން އެކަމެއް ވެދާނެކަމެވެ. އެމަތިވެރި ޤުދުރަތީ ހަމަތަކުގެ، އިލާހީ ވަންތަކަމުގެ މަތިން، ﷲ ޢީސާގެފާނު ބައްޕައަކައި ނުލައި އުފެއްދެވީއެވެ.”
ފަހެ، ޔަހޫދީންގެ މާއްދިޔަތުގެ ތެރެއިން، ރޫޙާނިއްޔަތާއި ރޫޙަށް އިންކާރުކުރުން ހިމެނެއެވެ. އަދި އެމީހުންގެ ޢަޤީދާ ބިނާކޮށް ވަރުގަދަކޮށް ފައިވަނީ، އިންސާނާއަކީ އަސާސީ ބާރެއް އަދި ވަކި މާއްދާއެއް ނެތި، ﷲ ޚަލްޤުކުރައްވަން ބޭނުންފުޅު ވީމާ، ޒައްރާއަކުން އުފެދިފައިވާ ޒައްރާތަކެއްގެ މާއްދާއެއް، ނުވަތަ އެއްޗެއް އުފެދެނީ ކަމަށެވެ. މިއީ ރޫޙާނިއްޔަތައި މުޅިން ޚިލާފު ޢަޤީދާއެކެވެ. ބާތިލް ވިސްނުމެކެވެ.
ޢީސާގެފާނު ބޮޑުފުޅުވުން:
ޢީސާގެފާނު ބޮޑުފުޅުވުމައި ގުޅޭގޮތުން މާގިނަ މަޢްލޫމާތުތަކެއް، ފޮތްތަކުން ފެންނާކަށް ނެތެވެ. އިސްފާދިރީން ވިދާޅުވެފައިވަނީ، ތުއްޕުޅުދުވަސް ވަރުން ފެށިގެން ރިސާލަތައި ގެން ފޮނުއްވުމައި ހަމައަށް، މިދޭތެރޭގެ ޙަޔާތްޕުޅާ ގުޅޭ ވާހަކަތައް ވާރިދުވެފައި ވާލެއް ވަރަށް މަދުކަމަށެވެ. ތިޖާރަތާއި ވިޔަފާރީގައި، އެޒަމާނުގެ އެހެން ކުދިންނެކޭ އެއްގޮތަށް އުޅުއްވިކަމަށް ވެއެވެ.
އެންމެ ތުއްޕުޅުއިރު، އެކަލޭގެފާނަކީ، އިސްރާއީލުގެ ދަރީންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވުނު ނަބީއެއް ކަމުގައި، ﷲ ވަނީ މުޢުޖިޒާތެއްގެ ގޮތުގައި އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅުން ޢާންމުކުރައްވާފައެވެ. ބަނީ އިސްރާއީލުގެ ޤައުމަށް ޢާންމުކޮށް ދީފައެވެ. ބޮޑުފުޅު ވަމުން ދިޔަދިޔަހެން، ނުބުއްވަތުގެ ޢަލާމަތްތައް އިތުރުވަމުން ދިޔައެވެ. ޢުމުރުން އެންމެ، ބާރަ އަހަރުގައި މަންމާފުޅު އަރިހުގައި ނާޞިރާއިން ނުކުންނަވައި ޤުދުސްއަށް ވަޑައިގަތެވެ.
އަދި މިޙްރާބަށް ވަންނަވައި އެއްވެފައި ތިއްބެވި މީސްތަކުންނަށް ނުބުއްވަތުގެ ފުރަތަމަ ޚުތްބާ އިއްވެވިއެވެ. ﷲގެ ރުބޫބިއްޔަތާއި ރައްބާނީ ވަންތަކަމާއި ކުޅަދުންވަންތަކަން ހާމަކޮށް ދެއްވިއެވެ. ޔަހޫދީ ބޮޑުން މިކަމައި ޢަޖައިބެވެ މިކަން ހިތުތެރޭގައި ސިއްރުކޮށް، އެކަލޭގެފާނައި ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ފަށައިގަތެވެ.
ޢީސާގެފާނު ތުއްޕުޅު އިރުންފެށިގެން ފާހަގަ ކުރެވިފައި ވަނީ، ވަރަށް ވިސްނުންތޫނު ޚުލްޤުހެޔޮ ހިތްޕުޅުތިރި ބޭފުޅެއްގެ ގޮތުގައެވެ. ހުށައެޅޭ އަދި ދިމާވާ ކަންކަމުގައި ވަރަށް ފުންކޮށް ވިސްނަވައި ހައްދަވާކަމަށް ވެއެވެ. އަދި އެކަމެއް އެކުގައި ސިކުނޑިއަށް ނަގައިގަނެވެންދެން ސުވާލުކުރައްވައި އޮޅުންފިލުވައި ހައްދަވައެވެ. މުދައްރިސުންނާއި ވެރިންގެ ޙުކުމްތައް އަޑުއިވޭގޮތަށް ޤަބޫލުކުރެއްވުމުގެ ބަދަލުގައި ބަޙުޘްކޮށް ހެޔޮމަގަށް ވާޞިލް ވުމަށް މަސައްކަތް ކުރައްވައެވެ. މޫސާގެފާނުގެ ފޮތް ތައުރާތުގެ ޙުކުމްތައް ފުރިހަމައަށް އުގެނިވަޑައި ގަތެވެ.
އަދި ޤައުމުގެ މީހުން، އިސްރާއީލުގެ ދަރީން ތިބި އަނދިރިކަމާއި އަނިޔާވެރިކަން ދެނެވަޑައި ގަނެ، އެކަމާ ހެދި ހިތާމަކުރެއްވިއެވެ. އިސާގެފާނު ބައިތުލްމަޤްދިސް އަށް ދޫކުރައްވައި މަންމާފުޅު ވަޑައިގަތީ ގެއަށެވެ. މިހާހިސާބުން ޢީސާގެފާނައި ﷲ ޙަވާލުކުރެއްވި ނަބީކަމުގެ ރިސާލަތައިގެން ކުރިޔަށް ވަޑައިގަތެވެ.
ޢީސާގެފާނު ނަބީކަމައިގެން ފޮނުއްވުނު އިރު ބަނީ އިސްރާއީލު މީހުންތިބިގޮތް:
އެދުވަސްވަރަކީ، މޫސާގެފާނުގެ ޝަރީޢަތް އެގޮތްމިގޮތަށް ބަދަލުކޮށް ހަދާފައިވާ ޒަމާނެވެ. މީސްތަކުން ވަނީ، މުދާވެރުވުމަށް އިސްކަންދީ މުދާ އެއްކުރުމުގައި ރެއާއި ދުވާލު ޝާމިލްވެ އަވަދިނެތިފައެވެ. ޢާލިމުންނާއި ފާދިރީންގެ ޢަޤީދާވަނީ ފާސިދުވެ، މާއްދިއްޔަތަށް ބަދަލުވެ، ރޫޙާނިއްޔަތައި ވަރަށް ދުރުގައެވެ.
ފާފަތަކުން ސަލާމަތްވުމަށް ބޮޑުންނަށް ނަދުރުބުނުމާއި މިޙްރާބުގައި ތިބޭ، ޢިލްމުވެރިންގެ ގާތަށް ދިއުމުން ފާފަތައް ފޮހެދީ، މުޅިން ސާފުމީހަކަށް ވުމުގެ ގޮތްތައް ހޯދައި ދިނުމުގެ ބާރުވަނީ، އެފާދިރީން އަމިއްލައަށް ލިބިގަނެފައެވެ. ބޮޑުންވަނީ، މިބާރުތައް އަމިއްލައަކަށް ލިބިގަނެ، މާވަރުގަދަ ވަލީވެރިންނަށް ބަދަލުވެފައެވެ. ﷲ އަށް އުރެދިފައެވެ. މޫސާގެފާނު ގެނެސްދެއްވި ޝަރީޢަތް ވަނީ ހަދާނުން ކައްސާލާފައެވެ.
މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެ ރޫޙާނިއްޔަތު ނެތިކޮށް ލާފައެވެ. އޭގެ ތެރެއިން ބަޔަކު ވަނީ، ޤިޔާމަތްދުވަހާއި އެދުވަހުގެ އިންސާފަށް އިންކާރުކޮށް ފައެވެ. ޤިޔާމަތްދުވަހުގެ ހިސާބުކިތާބާއި ޢުޤޫބާތްތަކަކީ، ނެތްކަމަކަށް ހަދާއި ޚިޔާލީ ކަމެއްކަމުގައި ޤަބޫލުކޮށް ފައެވެ. އަޚްލާޤު ފަސާދަވެ، ހުރިހާނުބައި ކަމެއްވަނީ މުޖްތަމަޢުގައި ޢާންމުކޮށް ފައެވެ. ރިބާކެއުން ޒިނޭކުރުން އާންމުކޮށްފައެވެ.
ފަހެ، މިޙާލަތުގައި އޮތް، މުޖުތަމަޢެއްގައި ޢީސާގެފާނު ސާފުތެދުމަގުގެ ދަޢްވަތު މީސްތަކުންނަށް ދެއްވަމުން ގެންދެވިއެވެ. ބަނީއިސްރާއީލު މީހުންގެ ތެރެއިން ބަޔަކު ޔަހޫދީ ދީންދޫކޮށް އީސާގެފާނަށް ތަބަޢުވި އެވެ.
ޢީސާގެފާނުގެ ނުބުއްވަތާއި މުޢްޖިޒާތައް:
ނަބީކަމުގެ ނުބުއްވަތު ފުރިހަމަވީ، ޢުމުރުފުޅުން ތިރީސް އަހަރުގައެވެ. އެކަލޭގެފާނުގެ ރިސާލަތަކީ، އިންސާނިއްޔަތަށް އުފާވެރިކަމާއި ރޫޙާނިއްޔަތު ގެނެސްދެއްވި، ﷲގެ ތެދުމަގުގައި ސާބިތުވެ ތިއްބެވުމުގެ ރިސާލަތެވެ. މެސެޖްއެވެ. އަދި މަގުފުރެދުމުން އެނބުރި އަލިކަމުގެ ތެރެއަށް ޤައުމުގެ މީސްތަކުން ގެނައުމެވެ. މަގުފުރެދިފައި ތިބި މީސްތަކުންނަށް ޢިބުރަތެއްގެ ގޮތުގައި، އެކިއެކި މުޢުޖިޒާތައް، ﷲ ޢީސާގެފާނަށް ދެއްވިއެވެ.
ފަހެ، އާލުޢިމްރާން ސޫރަތުގެ، 49 ވަނަ އާޔަތަށް ބައްލަވާށެވެ!
وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّـهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّـهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٤٩﴾
“އަދި އެކަލޭގެފާނު ވާހުށީ، އިސްރާއީލު ބާގައިގެ މީހުންނަށް (ފޮނުއްވޭ) ރަސޫލެއް ކަމުގައެވެ. (ފަހެ، މިގޮތުގެމަތީން ޢީސާގެފާނުން މަރިޔަމްގެފާނު މެދުވެރިކޮށް އުފައްދަވައި އުފަންކުރުވައި ރަސޫލުކަމައިގެން ފޮނުއްވައިފި ހިނދު އެކަލޭގެފާނު ވިދާޅުވި އެވެ.) ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ ގާތަށް މިވަޑައިގަތީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކިބަފުޅުން (ތިމަންކަލޭގެ ފާނުންގެ ރަސޫލުކަމަށް ހެކިދޭ) ސާފު ދަލީލަކައިގެންނެވެ. ފަހެ، ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ ކުރިމަތީގައި، ދޫންޏެއްގެ ސިފައަށް މަށީން، (ބުދެއް) ހެދުމަށް ފަހު، އެއަށް ފުމެލުމުން، ﷲގެ އިޒްނަފުޅުން ދޫންޏަކަށް ވެގެންދާނެ އެވެ. އަދި، (ވިހޭއިރުވެސް) ކަނުމީހުންނާއި ބަރޮސްބަލި ޖެހިފައިވާ މީހުން ފަސޭހަ ކުރައްވަމެވެ. އަދި މަރުވެފައިވާ މީހުން، ﷲގެ އިޒްނަފުޅުން ދިރުއްވަމެވެ. އަދި ތިޔަބައި މީހުން ކައި އުޅޭ އެއްޗަކާއި، ތިޔަބައި މީހުންގެ ގޭގޭގައި ރައްކާކޮށް ފައިވާ އެއްޗެތި ކިޔައި ދެއްވަމެވެ. ފަހެ، ތިޔަބައި މީހުންނީ، އީމާންވާ ބައެއްކަމުގައި ވާނަމަ، (ތިމަން ކަލޭގެފާނުގެ ރަސޫލުކަމަށް ހެކިދޭ) ދަލީލެއް މިކަމުގައި ތިޔަބައި މީހުންނަށް ވާކަން ކަށަވަރެވެ."
ފަހެ، ޢީސާގެފާނަށް ދެއްވި، 4 މުޢްޖިޒާތެއްގެ ވާހަކަ މިއާޔަތުގައި އައިސްފައި ވެއެވެ. އެއީ: (1) މަށިން ބުދުދޫންޏެއް ހެއްދެވުމަށް ފަހު، އެއަށް ފުމެލެއްވުމުން ދޫންޏަކަށްވެ އުދުހިގެން ދިއުމާއި (2) އުފަންވީ އިރު ކަނު މީހުންނާއި ބަރޮސްބަލި ޖެހިފައިވާ މީހުން ފަސޭހަ ކުރެއްވުމާއި (3) މަރުވެފައިވާ މީހުން ދިރުއްވުމާއި (4) މީހުން ކައިއުޅޭ ތަކެއްޗާއި އެބައިމީހުން ގޭގޭގައި ރައްކާކޮށްފައިވާ އެއްޗެހި ކިޔައި ދެއްވުމެވެ.
މިފަދަ މުޢުޖިޒާތަކެއް ބަނީ އިސްރާއީލު ޔަހޫދީ ދަރިކޮޅަށް، ޢީސާގެފާނު ލައްވައި ދެއްކެވީ، އެމީހުން އުރެދިފައި ތިބި ގޮތުންނާއި މިންވަރުންނެވެ. ﷲ އަށާއި ރޫޙާނިއްޔަތުގެ ކަންފުޅެއް އެމީހުންގެ ހިތްތަކާއި ފިކުރުގައި ހަރުލާފައި ނެތުމުންނެވެ. ހަމަލޮލަށް މާއްދީގޮތުން ނުފެންނަ ކަންކަމަކީ އެމީހުންގެ ވިސްނުމަށް ގެނެވޭކަންކަމެއް ނޫނެވެ. ޣައިބަށް ވިސްނުމަކީ ނެތްކަމެކެވެ.
އެހެންވެ މިހުރިހައި މުޢްޖިޒާތަކަކީ ވެސް ކުރިމަތީގައި ފެންނަގޮތަށް ޤަބޫލުކުރާނެ ބައަކު ޤަބޫލުކުރަން ހުރި ފާޅުކަންބޮޑު ހެކިތަކެވެ. އެހެނަސް ބަނީއިސްރާއީލު ބާގައިގެ ޔަހޫދީ މީސްތަކުން މިކަންކަމަށް ވެސް އިންކާރުކޮށް ގިނަބަޔަކު ޢީސާގެފާނަށް މަގުފުރެދުނީއެވެ.
އާދެ! ފަސްވަނަ މުޢްޖިޒާތެއް ވެސް ވެއެވެ. އެއީ އެކަލޭގެފާނަށް އެންމެފުރަތަމަ ތަބާވެ ވަޑައިގެންނެވި ޙަވާރީ ބޭކަލުންގެ ތެރެއިން އެދުނު މުޢުޖިޒާތް އެކެވެ. އުޑުން ކާބޯތަކެތީގެ މޭޒެއް ނުވަތަ ސުފުރާއެއް ބާވައިލެއް ވުމެވެ.
ފަހެ، އަލްމާއިދާ ސޫރަތުގެ 112 ވަނަ އާޔަތުން ފެށިގެން، 115 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!
إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿١١٢﴾
قَالُوا نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ ﴿١١٣﴾
قَالَ عِيسَى ابْنُ مَرْيَمَ اللَّـهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ ﴿١١٤﴾
قَالَ اللَّـهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ ﴿١١٥﴾
“އަދި، ޙަވާރީން ދެންނެވިހިނދުގެ މަތީން ހަނދުމަ ކުރައްވާށެވެ! އޭ! މަރިޔަމްގެފާނުންގެ ދަރިކަލުން ޢީސާގެފާނެވެ! (ކާބޯތަކެތީގެ މައްޗަށް އެކުލެވިގެންވާ) ދޮލަނގެއް (ނުވަތަ މޭޒެއް ނުވަތަ ސުފުރާއެއް) އުޑުން ބާވައިލެއްވުމަށް، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކުޅަދުންވަންތަ ތޯއެވެ؟ (ޢީސާގެފާނު) ވިދާޅުވިއެވެ: ތިޔަބައި މީހުންނީ، އީމާންވެގެން ތިބި ބައަކުކަމުގައި ވަނީނަމަ، ތިއަބައިމީހުން، ﷲ އަށް ތަޤްވާވެރިވާށެވެ!" (112)
"އެބައިމީހުން ދެންނެވިއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށެވެ. އަދި ތިމަންމެންގެ ހިތްތައް ހަމަޖެހިގެން ދިއުމަށެވެ. އަދި، ތިމަންމެންނަށް ކަލޭގެފާނު ތެދު ވިދާޅުވިކަން އެނގުމަށް ޓަކައެވެ. އަދި، އެކަމުގެ މައްޗަށް (އެބަހީ، އުޑުން ކާބޯތަކެތި ބާވައިލެއްވި ކަމުގެ މައްޗަށް) ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށް ޓަކައެވެ." (113)
"މަރިޔަމްގެފާނުންގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިއެވެ. އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ކަލާކޯއެވެ! ކާބޯތަކެތީގެ މައްޗަށް އެކުލެވިގެންވާ ދޮލަނގެއް އަޅަމެންގެ މައްޗަށް އުޑުން ބާވައިލައްވައި ފާންދޭވެ! އަޅަމެންގެ ތެރެއިން ކުރީގެ މީހުންނާއި ފަހުގެ މީހުންނަށް ޢީދެއް ކަމުގައި ވުމަށެވެ. އަދި، ﷲގެ ޙަޟްރަތުން އައި މުޢްޖިޒާތެއްގެ ގޮތުގައެވެ. އަދި، އަޅަމެނަށް ރޯދި ދެއްވައި ފާނދޭވެ! ﷲއީ އެންމެހެއު ރޯދި ދެއްވާ ރަސްކަލާނގެ އެވެ." (114)
"ﷲ ވަޙީ ކުރެއްވިއެވެ: ހަމަކަށަވަރުން، ﷲ ތިޔަބައި މީހުންގެ މައްޗަށް، އެދޮލަނގު ބާވައި ލައްވާ ހުށީމެވެ. ފަހެ، އެއަށް ފަހު، ތިއަބައި މީހުންގެ ތެރެއިން ކާފިރުވެއްޖެ މީހާ، (ދަންނާށެވެ!) ޢާލަމްތަކުގެ ތެރެއިން (މީސްތަކުންގެ ތެރެއިން) އެކަކަށް ވެސް، ތިމަން ﷲ ނުދެއްވާ އަޒާބު އެމީހަކަށް ތިމަން ﷲ ދެއްވާ ހުށީމެވެ." (115)
އަޅުގަނޑަށް، ހަމަ އެއްގޮތަކަށް ވެސް ޢީސާގެފާނުންގެ އެންމެ އަރިސް ޙަވާރީބޭކަލުންގެ ފަރާތުން، އެކަލޭގެފާނުންގެ ރިސާލަތާ މެދު ޝައްކު އުފެދުނު ގޮތެއް ހޯދައި ހޯދާވެސް ނުވިސްނުނެވެ. މިބޭފުޅުންނަކީ އުޑުން ދޮލަނގެއް ބާވައިލެއްވުމަށް ވުރެ މާމަތީ މުޢުޖިޒާތްތައް ދުށުމަށް ފަހު، ހިތުގެ އަޑިން އީމާންވެ، އެކަލޭގެފާނުގެ ޝަރީޢަތަށް ތަބާވި ބޭކަލުންނެވެ.
އެހެނަސް މިބޭކަލުން ވެސް މިދަންނަވަނީ، އުޑުން ކާބޯތަކެތީގެ ދޮލަނގެއް ބާވައިލެއް ވުމަށެވެ. މިއީ ޙަވާރީބޭކަލުންގެ ހާލަތުހުރި ފެންވަރެވެ. އެހެންވުމުން އެ ޤައުމުގެ ޢާންމުމީހުންގެ ހާލަތު ހުންނާނެ ފެންވަރައި މެދު ބުނާނީ ކީކޭތޯއެވެ! އިސްރާއީލުގެ ދަރީންނަކީ ތެދުމަގު ޤަބޫލްކުރާނެ ބައެއް ނޫނެވެ. އެއީ އުފެދުމުގައި ވެސް ނެތްކަމެކެވެ. ﷲ އަށް އުރެދުމުގައި މާކުރީގައި ތިބި ބައެކެވެ. ކޮންމެއަކަސް މިފަދަ ބަޔަކަށް ތެދުމަގަށް ދަޢުވަތު ދެއްވުމުގައި ޢީސާގެފާނު އަވަދިނެތި މިޙުރާބްގައި ވަޤުތު ހޭދަ ކުރައްވަމުން ގެންދެވިއެވެ.
ފަހެ، ޢީސާގެފާނު މިޙުރާބްގައި ފުރަތަމަ ފަހަރަށް އެއްވެ ތިބި މީހުންނައި ވާހަކަފުޅު ދެއްކެވި ދުވަހު ވެސް، އެ އެއްވުމުގައި ޖަމާވެ ތިބި ޔަހޫދީންގެ އުސްތާޒުންނާއި ފާދިރީން، އެކަލޭގެފާނުގެ ރިސާލަތައި ދެކޮޅު ހެއްދެވިއެވެ. އެދުވަހުން ފެށިގެން ސިއްރިއްޔާތު ގައި އެކިކަންކަން އެކަލޭގެފާނާ ދެކޮލަށް ރާވަން ފެއްޓިއެވެ.
\
އަދި، އެކިގޮތްގޮތުން، އެކަލޭގެފާނަށް އުނދަގޫތައް މެދުވެރިކޮށް ހުރަސްތައް ކުރިމަތި ކުރުވަން ފެށިއެވެ. އަދި، އެކި ސިއްރު ރޭވުންތައް ރާވަމުން ގެންދިޔައެވެ. އެގޮތުން އެމީހުންގެ، (އިސްރާއީލުގެ ދަރީންގެ) ގެގާތުގައި ސަބާތް (SABBATH) އަކީ، ހޮނިހިރު ދުވަސް އެކުގައި އަރާމުކުރުމުގެ ދުވަހެއްގެ ގޮތުގައި އެމީހުންނަށް، މޫސާގެފާނުންގެ ޝަރީޢަތުގައި، ﷲ ލައްވާފައިވާ ދުވަހަށް ދީފައިވާ ނަމެކެވެ. ފަހެ، ސަބާތުގެ ދުވަހަކީ، ހޮނިހިރު ދުވަހެވެ.
އާދެ! ހޮނިހިރު ދުވަހަކީ، އަރާމުކުރުމުގެ މުޤައްދަސް ދުވަހެވެ. ޔަހޫދީންގެ ގާތުގައި ސަބާތް އަކީ، ދިހަ ވަޞިއްޔަތު (TEN COMMANDMENTS) ގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެދުވަހަކީ އެމީހުންގެ އެތައްކަމެއް ނަފްސުތަކަށް ޙަރާމްކޮށް ގަނެގެން ތިބޭ ދުވަހެކެވެ. އެންމެކުޑަ މިނުން އަމިއްލަ ނަފްސުގެ ދިފާޢުގައި ބަލިވީމައި އެބަލިން ސަލާމަތް ވުމަށް ޑޮކްޓަރެއް ނުވަތަ ޙަކީމެއްގެ ގާތަށް ގޮސް ލަފާހޯދުމަކީ ވެސް މަނާވެގަނެފައި ހުރިކަންކަމެވެ. ސަބާތް ދުވަހުގައި އެއްހާސް ޔާޑަށް ވުރެ ދިގު ދަތުރެއް ކުރުމަކީ ވެސް އެމީހުންގެ ޝަރީޢަތުގައި މަނާކަމެކެވެ.
އެހެނަސް، ޢީސާގެފާނު ސަބާތް ދުވަހުގައި ވެސް މިސްކިތަށް ނުކުމެވަޑައިގެން މީސްތަކުންނަށް ހަޞޭޙަތް ދެއްވައި ތަބުލީޣް ކުރެއްވުމުގައި ދެމިހުންނެވި އެވެ. އަދި، ބައެއް މޭވާތައް ނަންގަވައި މިސްކިތުންބޭރުގައި ބަނޑުހައިހޫނުކަން މަތީގައި ތިބޭ ކުދިންނަށް ދެއްވައި ހައްދަވައެވެ. މިކަމާ ހެދި، ޔަހޫދީ ފާދިރީން ނަފްރަތް ކުރެއެވެ. މިފަދަ ކަންކަމަކީ، ޔަހޫދީ ބޮޑުންގެ ގާތުގައި އެދުވަހުގެ ޙުރުމަތް ކެނޑުންކަމުގައި ބަލައި ވަރަށް ނުރުހުން ވިއެވެ.
ފަހެ، އެދުވަހަކީ އެތައް ހާސްބަޔަކު، ﷲ އަށް ޤުރުބާނީ ކަތިލުމުގަޔާއި އަޅުކަމުގައި ޖަމާވާ ދުވަހެވެ. މަދުވެގެން އެދުވަސްވަރު ބައިތުލް މަޤްދިސް އަށް، 20,000 (ވިހި ހާސް) ޔަހޫދީން ޖަމާވެހަދައެވެ. ގެރިބަކަރި ކަތިލުމުގައި މުޅި އެހިސާބުގަނޑު ވަނީ ފުރާލައިފަ އެވެ. އެތާގައި އަޅުކަމަށް ވުރެ ބޮޑަށް ހިނގަމުން ދަނީ، ވިޔަފާރީގެ ތެރެއިން މަންފާ ނެގުނުގޮތަކަށް ފައިދާނެގުމުގެ ކަންކަމެވެ. ރިބާ އަކީ އެންމެ އާންމުކަމެވެ. އެކަކަށް ވުރެ އަނެކަކު ގިނަފައިސާ ހޯދުމަށް ވާދަވެރި ވަމުންދާ މަންޒަރެވެ.
ޢީސާގެފާނަށް މިމަންޒަރު ފެނިވަޑައިގެން ޢަޖައިބުވެ އަންތަރީސްވެ ވަޑައިގަތެވެ. ހައިކަލް ތެރެއިން ފެނިވަޑައިގަތީ ވިޔަފާރިވެރިން މޭޒުމޭޒުގައި ރިބާގެ ކާރޫބާރު ހިންގަމުންގެންދާ މަންޒަރެވެ. މިކަމާ ނުރުހުންފާޅުކުރައްވާ މޭޒުތައް އެއްފަރާތްކޮށްލެއްވިއެވެ. ނިކަމެތި ފަޤީރުންނަށް ކަތިލާނެ ޤުރުބާނީއެއް ނުލިބެއެވެ. ފައިސާއެއް ސަދަގާތެއް ނުލިބެއެވެ.
ޔަހޫދީންގެ ބޮޑުންނައި ފާދިރީންތައް އެތެރޭގައި ހެސްކިޔާފައި ކައިމަޖާ ނަގަމުންދާ އިރު ފަޤީރުން ބޭރުގައި ބަޑުހައިހޫނުކަން މަތީގައި ތިބޭ މަންޒަރު އެކަލޭގެފާނަށް ވެގެންދިޔައީ ބައްލަވަން އުނދަގޫ ލާއިންސާނީ މަންޒަރަކަށެވެ.
ހައިކަލް ތެރެއިން ރިބާގެ މޭޒުތައް ނެންގެވުމުން ޔަހޫދީންގެ ބޮޑުން ރުޅިގަދަވެ ރޯމަނުންގެ ރަސްގެފާނު އަރިހަށް މިކަމުގެ ޝަކުވާތައް ހުށަހެޅުމުން، ރަސްގެފާނު އެންގެވީ އަހުރެމެން ދެމެދު ވެވިފައިވާ އެއްބަސް ވުމަކީ ތިޔަބައިމީހުން ތިޔަބައިމީހުންގެ ޝަރީއަތްތައްކޮށް ހުކުމްތައް ކުރާނީ، ތިޔަބައި މ ީހުންގެ ޝަރީޢަތަށެވެ. ފޮތަށެވެ. ރޯމްގެ ސަރުކާރުން އެކަން ތަންފީޒުކޮށް ދޭނީއެވެ. އެދުވަސްވަރު ޔަހޫދާ އޮތީ ރޯމްގެދަށުގައެވެ.
ދެން ދިމާވި ކަމަކީ އަންހެން ކުއްޖެއްގެ ޒިނޭގެ މައްސަލައިގައި ހުކުމްތަންފީޒު ކުރުމުގެ ގޮތުން ރަޖުމް، ހިލައިންތަޅާއިމަރާލަން ޖެހުމުން އެކަމަށް ތައްޔާރުވެ އެންމެން އެއްވުމެވެ. ފަހެ، ހިލައުކަން ފެށުމުގެ ވަގުތު ޖެހުމުން ކުއްލިއަކަށް އެތަނަށް މީހުންތަކުތެރެއިން އީސާގެފާނު ނުކުންނަވައި އަދިމަޑުކުރާށެވެ. މަޑުޖައްސާލާށެވެ! ޚަބަރުދާޜެވެ! ތިމަން މަނިކުފާނަށް ތިޔަމީހުން ގޭގައި ކުރާކަންތަކާއި ކައިބޮއިހަދާތަކެތި ރަނގަޅަށް އެނގޭކަމަށާއި ތިޔަ އެންމެހާ މީސްތަކުންގެ ތެރޭގައި ހަމަހިލާ އެކަކުވެސް މިކަންތައް ކުކޮށްހުރި މިހެއް ހުރިނަމަ، ނުކުމެ ފުރަތަކަ ހިލައުކާށެވެ. ދޮގެއް ނުހަދާ މިކަންކުރުމަށް އެންގެވިއެވެ.
ދެން ހަމަހިލާ އެކަކުވެސް ކުރިޔަށް ޖެހިލާއި ހިލައުކާކަށް ނުނިކުތެވެ. އެންމެން އެނބުރި ދިޔައީގެއަށެވެ. މުޅީގައުމުގައި އެކަކުވެސް މިކަންނުކޮށް ނެތީއެވެ. މިއީ މިހާވެސް ފަސާދަބޮޑު ގައުމެކެވެ. ﷲގެ ނަބީގެފާނު އާންމުކޮށް އެންމެންގެ ކުރިމަތީގައި މިގައުމުގެ ހަގީގަތް ހާމަކޮށް ދެއްވީއެވެ. ދެން ވެސް އެކަލޭގެފާނަށް މިކަހަލަ އެތައް ހަރުފަތެއް ގިރާކުރައްވަން ޖެހި ވަޑައިގަތެވެ.
ފަހެ، ޔަހްޔާގެފާނާއި ޒަކަރިއްޔާގެފާނު ދުނިޔެ ދޫކުރައްވައި ނެތިދިއުމުން ގަދަ ހިތްވަރާއެކު، ﷲގެ ރިސާލަތައިގެން ނުކުމެ ވަޑައިގަތީ، ޢީސާގެފާނު ގިނިކަންޏާއެވެ. ﷲގެ ތެދުމަގުގައި ޘާބިތުކަމާ އެކު ދެމިހުންނަވައި ﷲގެ ތެދުމަގުގެ މެސެޖް މީސްތަކުންނަށް ފެތުރުއްވިއެވެ.
އެމީހުންނަށް، ﷲގެ ދިހަ ވަޞިއްޔަތް ފުޅު ދަސްކޮށް ދެއްވުމުގައި އަވަދިނެތި ދެމިހުންނެވިއެވެ. އެތައް ދުއްތުރާތަކާއި އެތައް އަނިޔާތަކެއް ތަޙައްމަލް ކުރެއްވިއެވެ. ފަސްވަނަ ވަޞިއްޔަތުގައި މީހުންމެރުން ކަނޑައެޅިގެން ޙަރާމް ކުރެއްވިއެވެ. ބަނީ އިސްރާއީލް ބާގައިގެ މީހުންނަކީ، ވަރަށް ފަސޭހައިން މީހުންމަރާއި ނަބީންނާއި ރަސޫލުންމަރާއި އަނިޔާކުރުމުގައި އަރާތިބި ބައެކެވެ.
ހަވަނަ ވަޞިއްޔަތުގައި ނުޙައްޤުން ޖިންސީ އަނިޔާ (ADULTERY) ތައް މަނާކުރައްވައި ޙަރާމް ކުރެއްވިއެވެ. ހަމައެކަނި، ﷲ އަށް އަޅުކަންކުރުމަށް ދައްވަތު ދެއްވަމުން ގެންދެވިއެވެ. ޢީސާގެފާނަށް ތަބާވެ އީމާންވި މީހުންގެ ތެރޭގައި، އެންމެ އިސްކޮށް އަރިހުގައި އެދުރު ބޭކަލުންގެ ގޮތުގައި ތިއްބެވީ، ބާރަ (12) ޙަވާރީބޭކަލުން ނެވެ. އޭގެ ތެރެއިން އެންމެ އިސް ބޭކަލަކީ، ސަމްޢާން ބުޠްރުސް (SAINT PETER / SIMON PETER) (ފާދިރީ) އެވެ.
ފަހެ، ޢީސާގެފާނުގެ ޝަރީޢަތާއި ވެސް އެންމެ ގަދަޔަށް ދެކޮޅުހެދި ބަޔަކީ ޔަހޫދީންނެވެ. އަދި ނަޞާރާދީނުގެ ތެދުމަގު ކަމުގައިވާ އިލާހީ ޝަރީޢަތާއި ހަމަތަކާއި އުޞޫލުތައް ތަޙްރީފުކޮށް ބަދަލުކޮށްލައި ހެދީ ވެސް ޔަހޫދީންނެވެ. އަދި ޢީސާގެފާނު އަވަހާރަ ކޮށްލުމަށް ޞަލީބަށް ނެގުމަށް ވާގިވެރިވެ، އެނުލަފާ ޢަމަލު ހިންގީވެސް ޔަހޫދީންނެވެ.
އާދެ ރިބާގެ މޭޒުތައް ހައިކަލުން ނެރެ އުކާލައްވާއި ޒިނޭގެ ހައްދު ތަންފީޒުކުރުމުގައި ބޭނުންހާ ގޮތަކަށް ހުކުމްތައް އިއްވިޔަ ނުދޭ ހިސާބަށް ކަންކަން ދިއުމުން، ރޯމްގެ ރަސްގެފާނަށް، އީސާގެފާނާ ހެދި ތިމަންމެން ގައުމުގެ ގައުމީސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންތައް ގޮސްފި ކަމުގެ ޝިކާޔަތާއި ޝަކުވާތައްކޮށް އީސާގެފާނު ޞަލީބަށް ނަގައި މެރުމަށް ހުރިހާ ބޮޑުން އެއްވެ ނިންމީއެވެ. ރޯމަން ރަސްގެފާނު ހުންނެވީ މިކަން ވެސް ތަންފީޒުކޮށްދޭން ތައްޔާރަށެވެ!
ފަހެ، ދަންނާށެވެ! ޢީސާގެފާނު އުޑަށް ނެންގެވުނީތޯ ނުވަތަ ޞަލީބަށް އަރުވައި އަވަހާރަކޮށް ލެވުނީތޯ ނުވަތަ ޞަލީބަށް ނެގެނުފަހުން، ސަލާމަތްވެ ވަޑައިގެން ޠަބީޢީމަރަކުން އަވަހާރަވުމަށް ދާންދެން ދުނިޔޭގައި ހުންނެވީތޯ ނުވަތަ އަނބުރައި ފަހުން ދުނިޔެއަށް ވަޑައި ގަންނަވާނެތޯ، މިއީ މުޅިން އެހެން ބަޙުޘް އެކެވެ. މިމަޒްމޫނުގައި މިވާހަކަތައް ލިޔުމަކީ މުނާސިބު ވަޤުތެއް ކަމުގައި ނުދެކެމެވެ.
ފަހެ، ޚުލާޞާކޮށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިއެވެ! އިސްލާމީ، ޢިލްމީ މުފައްކިރުންގެ ޖުމްހޫރު ޢީސާގެފާނައި މެދު ދެކޭ ގޮތަކީ، މިއެވެ. “ޔަހުދީންގެ ނުލަފާ އަނިޔާތަކުންނާއި ޞަލީބަށް ނެގުނު ހިނދު، ޢީސާގެފާނު އެމަރުން، ﷲ ސަލާމަތްވެ ކުރައްވާއި ފުރާނަފުޅު ސުވަރުގެއަށް ﷲ އުފުއްލެވީއެވެ.”
ފަހެ، ބަނީ އިސްރާއީލް ބާގައިގެ ޔަހޫދީންގެ އަނިޔާވެރިކަމާއި އުނދަގޫތަކުގެ ސަބަބުން މިއީ ﷲ، އެކަލޭގެފާނަށް ދެއްވި ކަރާމަތްތެރި ކަމެވެ. އަދި ބޮޑު ވެގެންވާ ނިޢްމަތެވެ. ﷲ ތަޤްދީރުގައި ބޭނުންފުޅުވެ ލިޔުއްވާފައި ވަނީ އެނުލަފާ ޔަހޫދީން އެނބުރި، ﷲ އަށް ރުޖޫޢަ ނުވެއްޖެ ނަމަ، އެއެންމެންގެ ނިމުން އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިގެން ނިންމަވާ ގޮތަށެވެ!
މިމީހުންނަކީ، އާދެ، ބަނީއިސްރާއީލު މީހުންނަކީ، ﷲ ބަރަކާތްލެއްވި މިބުގައި ތިބި ދަރިކޮޅުގެ މީހުންނަށް ވެފައި އެބިމަކީ ވަށައިގެން ބަރަކާތުން ފުރިގެންވާ މާތްބިމަކަށް ވާތީ، ﷲގެ ނަބީންނާއި ރަސޫލުން ގަތުލުކޮށް ބޮޑުވެގެންވާ ފަސާދަ ހިންގުމުން ވެސް، އެކަންތަކަށް، އެފާފަތަކަށް، ﷲ ގެ ޢަޒާބު އެބިމަށް ފޮނުއްވޭން ނެތުމުން އީސާގެފާނު އުޑަށް ނެންގެވުމަށް ފަހު އަނެއްކާ ވެސް ދެވަނަފަހަރަށް އެމީހުން ބޮޑުތަނުން ޒަލީލު ކުރައްވާއި ދުނިޔޭގެ އެކިރަށްތަކަށް ބެހިގެންދާ ގޮތަށް، އަރުވާލެއްވީއެވެ.
ބޯހަރު މި ޔަހޫދީންނަށް، ﷲ އަޒާބު ދައްކަވާނީ އެމީހުންގެ ނަބީ އީސާގެފާނު އަލުން ފަހުޒަމާނުގައި ދުނިޔެ ވަޑައިގެންނެވެ! އާދެ! ޔަހޫދީން މިޒަމާ ނުގައި އަލުން އެގެންދަނީ، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އަލުން އަނެއްކާ ވެސް އިސްރާއީލަށް، ގުދުސްއަށް ޖަމާވަމުންނެވެ. އިސްރާއީލީ ބޮޑުދައުލަތް ހަދާއި ﷲގެ އަޒާބަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. މިކަން ހިނގާނީ މަހުދީގެފާނު ފައުޅުވެ، އަދި އެމީހުންގެ ގައުމީލީޑަރު މަސީހުއްދައްޖާލު ފައުޅުވެ، އަދި އީސާގެފާނު މަލާއިކަތްބޭކަލުންގެ އެހީގައި މި ދުނިޔެއަށް އަނބުރާ ވަޑައިގަތުމަށް ފަހުގައެވެ.
ފަހެ، ޢީސާގެފާނަށް ފަހު، ދެން ފޮނުއްވުނީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި، މުޙައްމަދުގެފާނެވެ. އެއަށް ފަހު ނަބީއަކު ނުވަތަ ރަސޫލަކު މިދުނިޔެއަށް، ﷲ ނުފޮނުއްވާނެތެވެ. ނުބުއްވަތާއި ރިސާލަތު ބާވައިލެއްވުން ނިމުނީއެވެ.
އަޅުގަނޑުމެން އެންމެހައި އިސްލާމުން، ދެދުނިޔެ ބާއްޖަވެރި ކުރަންހުރި ހުރިހާ ދަރުސްތަކާއި ފިލާވަޅުތަކެއް ވަނީ، މިބޭފުޅުން އަޅުގަނޑު މެންނައި ހަމައަށް ގެނެސް ދެއްވާފައެވެ. އިސްލާމް ދީންވަނީ ފުރިހަމަ ކުރައްވާފައެވެ. ފަހެ ދެން އަޅުގަނޑު ބަލައިލާނީ މުޙައްމަދުގެފާނުގެ ސިޔަރަތުގެ މައްޗަށް ވަރަށް ކުރުކޮށެވެ.
މުހައްމަދުގެފާނު:
އެންމެހައި މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުގައި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި، މުޙައްމަދުގެފާނު މައްކާގެ ބިމަށް އުފަންވެ ވަޑައިގަތީ، 20 އެޕްރީލް 571 މ. ވީހޯމަ ދުވަހުގެ ހެދުނު އެވެ. އެއީ، “ޢާންމުލްފީލް” ގެ ނަމުން އެންގިގެން ގޮސްފައިވާ އަހަރެވެ. ފަޤީރު ދެމަފިރިއެއްގެ ދަރިކަލެކެވެ. ޤުރައިޝް ވަންހައިގެ އަޝްރާފުންގެ އާދާކާދައިގެ ދަށުން، އެކަލޭގެފާނަށް، ތުއްޕުޅު އިރު ކިރުފޮދު އެރުއްވީ، ބަދަވީ އަންހެނެއް ކަމުގައިވާ، ޙަލީމާއެވެ.
ބައްޕާފުޅަކީ، ޢަބްދުﷲ، ބިން ޢަބްދުލް މުއްޠަލިބް، ބިން ހާޝިމް، ބިން ޢަބްދުލް މަނާފް، ބިން ޤުޞައްޔު، ބިން ކިލާބް އެވެ. ފަހެ، އެއީ ޙައްޖާޖީންނަށް ބޯފެން ދިނުމުގައި ޒަމާނުއްސުރެ ދެމިގެންއައި ޤުރައިޝް ވަންހައިގެ ހާޝިމީ ދަރިކޮޅެވެ. އެކަލޭގެފާނު އުފަންވުމުގެ ކުރިން ބައްޕާފުޅު، ޢަބްދުﷲ އަވަހާރަ ވެއްޖެއެވެ. ދެން އެކަލޭގެފާނު ބެލެހެއްޓެވީ ކާފާފުޅު، ޢަބްދުލް މުއްޠަލިބް އެވެ. ކާފާފުޅު އަވަހާރަވުމުން އެކަލޭގެފާނަށް ކުލުނުވެރިވެ އަޅާލެއްވީ ބޮޑުބޭބޭފުޅު، އަބޫޠާލިބް އެވެ.
އެކަލޭގެފާނުގެ މަންމާފުޅު، އައިމިނަތް އަވަހާރަވީ އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ، 6 (ހައެއް) އަހަރުގައެވެ. އެކަލޭގެފާނު ޢުމުރުފުޅުން، 12 (ބާރަ) އަހަރުގައި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫޠާލިބްގެ އަރިހުގައި، ވިޔަފާރި ދަތުރުތަކުގައި ޝާމްކަރައަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. މިދަތުރުތަކުގައި ދިމާވި ދެފާދިރީއަކު، އެކަލޭގެފާނުގެ މާތްކަމުގެ ވާހަކަ ބޮޑުބޭބޭފުޅަށް ދެންނެވިއެވެ.
އެއީ ނަބީއެއްކަމާއި އެކަލޭގެފާނަށް މަލާއިކަތުން ހިޔާވަހިކަން ދެއްވަމުން ގެންދާ ވާހަކަ ދެދަތުރެއްގައި ދެރާހިބަކު ވަނީ، އެކަލޭގެފާނާ ގުޅިގެން ދަންނަވާފައެވެ. ދެވަނަ ފާދިރީގެ ވާހަކަތައް އައިސްފައިވަނީ އެކަލޭގެފާނުގެ ޢުމުރުފުޅުން، 25 (ފަންސަވީސް) އަހަރުގައި ކުރެއްވި ދަތުރެއް ގައެވެ. އަބޫޠާލިބް އަށް މިކަންކަން އެނގިވަޑައި ގަތުމުން، އެކަލޭގެފާނަށް ޔަހޫދީންގެ ފަރާތުން އަންނާނެ އަނިޔާތައް ވިސްނިވަޑައި ގަތެވެ.
ފަހެ، މުޙައްމަދުގެފާނު އެންމެފުރަތަމަ ކައިވެނި ކުރެއްވީ، ޚަދީޖަތްގެފާނައި އެކުގައެވެ. އެކަމަނާއަކީ، މުއްސަނދި ފައިސާވެރިކަމުގެ ތިޖާރަތް ކުރައްވަމުން ގެންދަވާ ކަމަނާއެކެވެ. އެކަމަނާގެ ފިޔަފާރީގައި އެކަލޭގެފާނު ފާހަގަކުރެވިގެން ދިޔައީ ވަރަށް އަމާނާތްތެރި އަދި، ކުޅަދާނަ ހުނަރުވެރިއެއްގެ ގޮތުގައެވެ.
ފަހެ، ވިޔަފާރީގެ އެކި މުޢާމަލާތުގައި އެކަލޭ,ގެފާނު ފާހަގަކުރެވިފައި ވަނީ، ވަރަށް ތެދުވެރި އަމާނާތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ގިނަމީހުންގެ ރުހުމާއި ލޯބި އެކަލޭގެފާނަށް ލިބި އޮހެމުން ދިޔައެވެ. ޢުމުރުފުޅުން، 35 (ތިރީސްފަސް) އަހަރުގައި ޤުރައިޝުން ގެފުޅުގެ މަރާމާތެއް ހިންގިއިރު، ޤުރައިޝުންނައި އެކު، އެމަސައްކަތުގައި ބައިވެރިވެ ވަޑައިގެން އެކަލޭގެފާނު ކޮނޑުފުޅުގައި ހިލައުފުއްލަވައި ހެއްދެވިއެވެ.
އަދި ޙަޖަރުލް އަސްވަދު އޭގެ މަޙައްލުގައި ބޭންދުމުގައި އުފެދުނު ޚިޔާލު ތަފާތުވުމުގައި ޤުރައިޝުންގެ ބޮޑުންނަށް ނިންމުނީ އަނެއްދުވަހު ޙަރަމްފުޅުގެ ވަކިދޮރާއްޓަކުން އެންމެކުރިން ވަންނަވާ ބޭފުޅަކު ލައްވައި އެކަން ކުރުވުމަށެވެ. ދެން ފަހެ، އެދުވަހު އެދޮރާށިކޮޅުން އެންމެކުރިން ވަދެވަޑައިގަތީ، މުޙައްމަދުގެފާނެވެ.
ޤުރައިޝުން އެކަން ކުރެއްވުން އެކަލޭގެފާނައި ޙަވާލުކުރެއްވުމުން، އެކަލޭގެފާނު ހެއްދެވި ގޮތަކީ، ރިދާކޮޅެއް (ފޮތިގަނޑެއް) ގެންނަވައި ޙަޖަރުލް އަސްވަދު ނަންގަވައި އެރިދާކޮޅަށް ލެއްވުމަށް ފަހު، ޤުރައިޝުންގެ ހުރިހާ ޤަބީލާތުކުން އެޤަބިލާއެއްގެ ބޮޑަކު، އެރިދާގެ ކަނެއްގައި ހިފައިގެން ގެންގޮސް ޙަޖަރުލް އަސްވަދު، އޭގެ މަޤާމުގައި ބެހެއްޓުމެވެ. މުޙައްމަދުގެފާނުގެ މިބުއްދިފުޅު ވެގެންދިޔައީ ހުރިހައި ޤުރައިޝުން ހިތްހަމަޖެހުނު ކަމަކަށެވެ.
ފަހެ، މިކަން ނިމިގެން ދިޔައީ ވަރަށް އޮމާންކޮށް އެންމެންގެ ހިތްހަމަ ޖެހުމައި އެކުގައެވެ. މުޙައްމަދުގެފާނުގެ ޢުމުރުފުޅުން، 40 (ސާޅީސް) އަހަރުފުޅުވުމުން ފާޅުގައި ރަސޫލުކަމައިގެން އެކަލޭގެފާނު ފޮނުއްވުނެވެ. ވަޙިބާވާލެއްވުން ފެށިގެން ދިޔައެވެ. ޤުރުއާން ބާވާލެއްވުން ފެށުނީއެވެ. އެއަށް ފަހު، އެކަލޭގެފާނު ފާޅުކަންބޮޑުކޮށް، އިސްލާމްދީނުގެ ސާފުތެދުމަގު ބަޔާންކޮށް ދެއްވައި އިސްލާމްދީނަށް ފާޅުގައި ގޮވާލައްވަން ފެއްޓެވީއެވެ.
އެކަލޭގެފާނަށް ލިބެމުން ދިޔަ ދުއްތުރާތަކާއި އަނިޔާތަކުގައި ބޮޑުބޭބޭފުޅުގެ ޙިމާޔަތް ލިބެމުން ދިޔައެވެ. ފަހެ، އެކަލޭގެފާނަށް ތަބާވި މުސްލިމުންނަށް އިންތިހާއަށް އެކިޒާތުގެ އަނިޔާތައް، މައްކާގެ ޔަހޫދީންގެ ފަރާތުން ލިބެމުންދިޔައެވެ. އެ އަނިޔާތަކައި ގުޅިގެން މުސްލިމުންގެ ފުރަތަމަ ހިޖްރަތް ޙަބަޝާކަރައަށް (މިހާރުގެ އިތިއޮޕިޔާ) ކުރުމަށް، މުޙައްމަދުގެފާނު ހުއްދަދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ.
“ޙަބަޝާގެ ބިމަށް ތިޔަބައިމީހުން ނުކުންނާށެވެ. އެބިމުގައި އަނިޔާދޭނެ މީހަކު ނުވެއެވެ. އެބިމުގެ ރަސްކަލަކީ، އޭނާގެ ފަރާތުން އެކަކަށް ވެސް އަނިޔާއެއް ދޭނެ މީހެއް ނޫނެވެ.”
ޚަދީޖަތުގެފާނާއި އަބޫޠާލިބު އަވަހާރަވުމުން، އެކަލޭގެފާނަށް އެންމެބޮޑަށް މަދަދާއި އެހީތެރިކަން ދެއްވި ދެބޭފުޅުން ނެތުނީއެވެ. މިދެބޭފުޅުން އަވަހާރަވީ، އެކަލޭގެފާނު ޔަޘްރިބް (މަދީނާ މުނައްވަރާ) އަށް، ހިޖްރަ ކުރެއްވުމުގެ، 3 (ތިނެއް) އަހަރުކުރީގައެވެ. މުސްލިމުންނަށް މައްކާގައި ދިމާވަމުން ދިޔަ ބޮޑެތި އަނިޔާތަކައި ހެދި، މަދިނާ މުނައްވަރާއަށް އެކަލޭގެފާނުގެ އެކުވެރީންނައި އެކު ހިޖްރަކުރެއްވުމަށް ނިންމެވިއެވެ.
މުޙައްމަދުގެފާނުގެ ދަޢްވަތަށް މަދީނާގެ އަހްލު ވެރިންގެ ފަރާތުން ތަރްޙީބު އޮހެމުން ދިޔައެވެ. އަދި މަދީނާގެ އަހްލުވެރީންގެ ތެރެއިން ބަޔަކު، އެކަލޭގެފާނާއެކު ބައިޢަތު ހިއްޕެވިއެވެ. މައްކާގެ ޢަޤަބާގައި ވެވުނު، ދެބައިޢަތުން މުޙައްމަދުގެފާނަށާއި އެކަލޭގެފާނު ގެނެސްދެއްވި އިސްލާމްދީނަށް ބޮޑު ނަޞްރެއް ލިބުނެވެ.
ޙައްޖު މޫސުމުގައި ޢަޤަބާކައިރިން ދިމާވި މަދީނާގެ އަހްލުވެރީންގެ ތެރެއިން ޚަޒްރަޖް ވަންހައިގެ، ހަބޭފުޅަކު ފުރަތަމަ ބުރުގައި އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ. އަދި އަނެއް އަހަރު ޙައްޖުމޫސުމުގައި މަދީނާގެ އަހްލުވެރިންގެ ތެރެއިން، ބާރަ ބޭފުޅަކު މުޙައްމަދުގެފާނައި ބައްދަލުކޮށް ބައިޢަތު ހިއްޕެވިއެވެ. މީގެތެރޭގައި އަންހެން ކަނބަލުން ހިމެނުނެވެ.
މިގޮތުގެ މަތީން މަދީނާއިން މައްކާއަށް ވަޑައިގަންނަވާ ބޮޑުންގެ ތެރެއިން ބައެއް ބޭފުޅުން، މުޙައްމަދުގެފާނައި ބައްދަލު ކުރައްވައި ބައިޢަތު ހިއްޕަވަމުން ގެންދެވިއެވެ. އެގޮތުގެ މަތީގައި އެބޭފުޅުން އިސްލާމްވެ، އިސްލާމް ދީނުގެ މަތީގައި ދެމިތިއްބެވި އެވެ. މައްކާގައި، 13 (ތޭރަ) އަހަރު ވަންދެން ދަޢްވަތުގެ ބުރަމަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ފަހު، މައްކާއިން މަދީނާއަށް ނުކުމެ ވަޑައިގެން، މަދީނާކައިރީގައި އޮންނަ، ޤުބާއަށް ވަޑައި ގެންނެވުނީ ހުކުރު ދުވަހެއްގައެވެ.
ދެން ފަހެ، ހުކުރު ވަޤުތު ޖެހުމުން ޤުބާގައި އެކަލޭގެފާނު އިސްވެހުންނަވައި ހުކުރުނަމާދު ޖަމާޢަތިގައި ކޮށް ދެއްވިއެވެ. އެއީ މުސްލިމުންކުޅަ އެންމެ ފުރަތަމަ ހުކުރެވެ. އެ އަވަށަކީ، މަދީނާ މުނައްވަރާގައި މިހާރު މަސްޖިދު ޤުބާ ހުންނަ ބިމެވެ. ފަހެ، ހުކުރު ނަމާދަށް ފަހު، ޔަޘްރިބް (މަދީނާ މުނައްވަރާ) އަށް އެރުއްވުމަށް ހިންގަވާން ފެއްޓެވީއެވެ. އެބިމަށް ފޯރާވަޑައިގަތީ، 20 ސެޕްޓެމްބަރ 622 މ. ދުވަހުއެވެ.
ދެން އެބިމުގައި އެކަލޭގެފާނުގެ މިސްކިތް، މަސްޖިދުއްނަބަވީ ބިނާ ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ދިރިއުޅުއްވި ކޮޓަރިކޮޅުވެސް ހެއްދެވިތަނެވެ. އަދި އިސްލާމުންގެ ވެރިކަމުގެ ދަރުބާރުވެސް މެއެވެ. އިމާމަކީ ޚުދު އެކަލޭގެފާނުއެވެ. މަދީނާ މުނައްވަރާއަށް ހިޖްރަކުރެއްވުމަށް ފަހު، މަދީނާގައި ވަރުގަދަ ޙުކޫމަތެއް ބިނާ ކުރެއްވިއެވެ.
މިސަރުކާރު ވެގެންދިޔައީ މުޅިދުނިޔޭގައި ވެސް އުފެދުނު އެންމެ އިންސާފުވެރި ހަމހަމަކަން ޤައިމުކުރެވުނު ސަރުކާރަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އެންމެ ފުރިހަމަ ޑިމޮކްރަސީއެއް ދުނިޔެއަށް ނެރެދެއްކެވި ފުރަތަމަ ސަރުކާރަށެވެ. އޭރު ދުނިޔޭގައި ތިބި ބާރުތައް ސިއްސުވާލި ވަރުގަދަ ސަރުކާރަކަށެވެ. ޤާނޫނީ ޙުކޫމަތަކަށެވެ.
ފަހެ، މިހާރު ހުޅަގުގެ ބާރުތަކުން އުފައްދައިގެން މިއުޅޭ ޑިމޮކްރަސީއަކީ، އިސްލާމީ ޝަރީޢަތާއި އިސްލާމީ ޑިމޮކްރަސީގެ ކުރިމަތީގައި ބާޠިލް އެއްޗެކެވެ. އިލާހީ އަސާސެއް ނުވާ މަސްނޫޢީ ފަލްސަފާއެކެވެ. އަދި މިއީ އިސްލާމްދީނުގައި އޮންނަ އިމާމަތް (ވެރިކަމުގެ ބާރު) މުގުރާލާއި ހަލާކުކޮއްލުމަށް ސެކިއުލާސަހުޔޫނީ ޔަހޫދީން އުފެއްދި ބާޠިލް ފަލްސަފާއެކެވެ.
ވެރިކަމުގެ ބާރު އެކެއްގެދަށުގައި ނުބޭއްވުމުގެ ބޭނުމުގެ ދަށުން އެފެއްދި ނުބައި ފަލްސަފާއެކެވެ. މަދީނާ މުނައްވަރާގެ ޔަހޫދީން އެކަލޭގެފަނައި އެކު ވެވުނު ވަޢްދުތަކާއި ޢަހްދުތަކައި ޚިލާފުވެ ދެކޮޅުވެރިކަން ފާޅުކުރުމުން، އިސްލާމީ ޝަރީޢަތުގައި އޮންނަ ޖިހާދު އިޢްލާނު ކުރައްވައި ހަނގުރާމަތައް ފެއްޓެވުމަށް ނިންމެވިއެވެ.
އެގޮތުގެ މަތީން ބޮޑެތި ހަނގުރާމަތަކާއި ކުދި ހަނގުރާމަތައް މުސްލިމް ލަޝްކަރުތަކައި އެކު ޚުދު އެކަލޭގެ ބައިވެރިވެ ހުންނަވައިގެން ކުރެއްވިއެވެ. އިސްލާމީ އުންމަތަށް ބޮޑެތި ނަޞްރުތައް ހޯއްދަވައި ދެވިއެވެ. ބޮޑެތި ފަތަޙަތައް ހޯއްދަވައި ކާމިޔާބު ކުރެއްވިއެވެ. ނަޞްރު ހޯއްދެވިއެވެ.
އެހަނގުރާމަ ތަކުގެ ތެރޭގައި، ބަދުރު ހަނގުރާމަޢާއި އުޙުދު ހަނގުރާމައާއި އަޙްޒާބު ހަނގުރާމައާއި ޚަންދަޤް ހަނގުރާމައާއި ބަނީ ޤުރައިޟާ ހަނގުރާމައާއި ބަނީ މުޞްޠަލިޤް ހަނގުރާމަ ފަދަ ހަނގުރާމަތައް ހިމެނުނެވެ. މިހަނގުރާމަ ތަކުގައި މުސްލިމް ލަޝްކަރުގެ ޢަސްކަރީންނައި އެކު ޚުދު އެކަލޭގެފާނު ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން، ހަނގުރާމަ ކުރެއްވިއެވެ.
ހިޖްރީން، 6 (ހައެއް) ވަނަ އަހަރު، ޢުމްރާއަކަށް ނިޔަތްގަނެ، 1400 (އެއްހާސް ހަތަރުސަތޭކަ) މުސްލިމުންނައި އެކު، މުޙައްމަދުގެފާނު މައްކާއަށް ދަތުރައިގެން ނުކުންނެވިއެވެ. އެހެނަސް ޤުރައިޝުން އެކަލޭގެފާނާއި މުސްލިމުން މައްކާއަށް ވަނުމަށް ހުއްދަ ނުދީ މަނާކުރުމުން، ޢުޘްމާނުގެފާނު ޤުރައިޝުންގެ ބޮޑުންނައި ވާހަކަ ދައްކަވައި މަޝްވަރާކު ރެއްވުމަށް މައްކާ ތެރެއަށް ފޮނުއްވީއެވެ.
ދެން، ޚަބަރެއްނުވެ ގިނަދުވަސް ވެފައި ވަނިކޮށް، ޚަބަރުތައް ފެތުރިގެން ދިޔައީ ޤުރައިޝުން، ޢުޘްމާނުގެފާނު އަވަހާރަކޮށް ލައިފި ޚަބަރެވެ. މިކަމާ މުސްލިމުން ކަންބޮޑުވެ، އެއްޚިޔާލަކަށް އާދެވި، މުޙައްމަދުގެފާނައި އެކު މަރުވުމަށް ދާންދެން ރުހުމުގައި ދެމިތިބުމަށް، އެބޭފުޅުން ތިއްބެވި ގަސްދޮށުގައި ބައިޢަތް ހިއްޕެވީއެވެ. މި ބައިޢަތަށް ބައިޢަތު ރިޟްވާން، ނުވަތަ ގަސްދޮށުގެ ބައިޢަތް އޭ ކިޔުނެވެ.
މިވާހަކަ ޤުރްއާނުގެ ސޫރަތުލް ފަތަޙަގެ، 18 ވަނަ އާޔަތުގައި ވެއެވެ. ބައްލަވާ ލައްވާށެވެ!
لَّقَدْ رَضِيَ اللَّـهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾
“ގަސްދަށުގައި ކަލޭގެފާނަށް ބައިޢަތު ހިފާ ހިނދު، ހަމަކަށަވަރުން މުއުމިނުންނައި މެދު، ﷲ ރުހި ވޮޑިގެންފިއެވެ. ފަހެ، އެބައިމީހުންގެ ހިތްތަކުގައި ވާގޮތް، ﷲ ދެނެވޮޑިގެންފިއެވެ. ދެން އެބައިމީހުންގެ މައްޗަށް ހަމަޖެހުން ބާވައިލައްވައި އެބައި މީހުންނަށް ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ނަޞްރު ދެއްވިއެވެ.”
އެއީ ކުރިޔަށް ލިބުނު، މައްކާފަތަޙަ ވުމުގެ އުފާވެރި ޚަބަރެވެ. ފަހެ، މިޚަބަރު ޤުރައިޝުންނަށް ދިއުމުން، އެމިހުންކަންބޮޑުވެ އަންނަ އަހަރު މުސްލިމުން މައްކާއަށް އެރުމުގެ ހުއްދަދިނުމަށް ޚިޔާލުކުރިއެވެ. އަދި، ޢުޘްމާނުގެފާނު އަނބުރާ، ރަސޫލާގެ އަރިހަށް ފޮނުއްވާ ލެއްވިއެވެ. ދެން ދެފަރާތުގެ ވާހަކަތައް ރަސްމީ ސިފައެއްގައި ހިނގައިގަނެ ދިގުމުއްދަތުގެ ޞުލްޙައަކަށް އެއްބަސް ވެވުނީއެވެ.
މި އެއްބަސްވުމަށް ޙުދައިބިއްޔާ ޞުލްޙައޭ ކިޔުނެވެ. މުސްލިމުން އޭރު ތިއްބެވީ ޙުދައިބިއްޔާގައި ކަމުން މިޞުލްޙައަށް އެނަން ދެވުނީއެވެ. މިޞުލްޙައިގައި އަންނަ އަހަރު މައްކާއަށް އެރުމުގެ ހުއްދަދެވުނެވެ.
ދެން ފަހެ، ޚާލިދު ބިން ވަލީދު އާއި ޢަމްރު އިބްނުލްޢާޞް ފަދަ ވަރުގަދަ ބޭފުޅުން އިސްލާމްވެ ވަޑައިގެން މުސްލިމުންނަށް އިތުރު ހިތްވަރާއި ބާރުތައް ލިބިގެންދިޔައެވެ. އަދި ކުރިޔަށް އޮތް އަހަރު މައްކާ ފަތަޙަ ކުރެއްވުމުގެ ތައްޔާރީތައް ފެށުނެވެ. މުސްލިމުންނަށް އާރާއިބާރު ލިބި މަދީނާގެ ސަރުކާރު ޤާނޫނީ ޙުކޫތަމެއްގެ ހައިބަތައި އެކު ހިނގަންފެށުމުން ޔަހޫދީންގެ ދުއްތުރާތަކާއި އުނދަގޫތައް އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
ފަހެ، ހިޖްރީން، 8 (އަށެއް) ވަނަ އަހަރުގައި ޚައިބަރު ހަނގުރާމައާއި މައުތާ ހަނގުރާމަ ކުރެވުނެވެ. އަދި ހިޖްރީން، 8 (އަށެއް) ވަނަ އަހަރުގައި މައްކާފަތަޙަ ކުރެއްވިއެވެ. އެއާއެކު، އިސްލާމްދީނަށް ފުރިހަމަ ނަޞްރު ލިބިގެން ދިޔައީއެވެ. ދެން، ގެފުޅުގައި ހުރި ބުދުތައް ނެގުމަށް މުޙައްމަދުގެފާނު އަމުރު ކުރެއްވިއެވެ.
މިނަޞްރާއި ގުޅިގެން ޤުރްއާންގެ ސޫރަތުލް އިސްރާގެ، 81 ވަނަ އާތަޔް ބައްލަވާށެވެ!
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾
“ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތުގައި (އެހެނީ، އިސްލާމްދީން) އަތުވެއްޖެއެވެ. އަދި (ޝިރުކާއި) ބާޠިލު ގޮތްނެތި ފިލައި ހިނގައްޖެއެވެ. ހަމަ ކަށަވަރުން ބާޠިލް އަކީ، ހީނަރުވެ ފިލައި ދަނިވި އެއްޗެކެވެ.”
އާދެ! އެއަށް ފަހު، ޙުނައިން އާއި ޠާއިފް ހަނގުރާމަ ކުރެއްވިއެވެ. އިސްލާމީ އުންމަތަށާއި މުސްލިމުންނަށް މަތިވެރި ކާމިޔާބުތައް މަތިމަތީން ލިބެންފެށިއެވެ. މިހާހިސާބުން، މުޙައްމަދުގެފާނުގެ ވިސްނުންފުޅު ޝާމްކަރައައި ދިމާއަށް އަމާޒުކުރެވުނެވެ. ފަލަސްޠީން އަކީ، އެކަލޭގެފާނު ހިތްޕުޅާވާ ބިމެކެވެ. އެކަންވަނީ ހާމަ ކުރައްވާފައެވެ. ފަލަސްޠީން ފަތަހަކުރެއްވުމުގެ ވިސްނުންފުޅުގައި އެމަގަށް މަގުކޮށްޓެވުމުގެ ބޭނުމުގައި ތަބޫކް ހަނގުރާމަ ކުރެއްވިއެވެ.
ތަބޫކްއަކީ ޢަރަބި ކަރައިން ފަލަސްޠީން އަށް އެންމެގާތްކޮށް، އެރެންއޮންނަ މަގެވެ. ފަހެ، ތަބޫކުގެ އަހްލުވެރިން ޞުލްޙަވެ، ފަލަސްޠީންގެ ބިމުގައިވާ އީލިޔާ އަށް އިސްލާމީ ލަޝްކަރުން ވަފުދުތައް އީލިޔާގެ އަހްލުވެރިން ވެސް ޞުލްޙަ ޚިޔާރުކުރޭތޯ ފޮނުވައިގެން މަސައްކަތް ފެށުނެވެ. އީލިޔާއަކީ، ޤުދުސްއަށް ކިޔަމުން ގެންދިޔަ ޤަދީމީ ނަމެކެވެ. ދެން ހުރި އެހެންރަށް ތަކަށް، ޚާލިދު ބިން ވަލީދު މުސްލިމުންގެ ލަޝްކަރީންނައި އެކު ފޮނުއްވުމަށް ފަހު، މުޙައްމަދުގެފާނު މަދީނަށް ވަޑައިގަތީއެވެ.
ފަހެ، ތަބޫކު ހަނގުރާމައަކީ، މުޙައްމަދުގެފާނު ޢަމަލީ ގޮތުން ކުރެއްވި އެންމެފަހުގެ ހަނގުރާމައެވެ. ޢަރަބި ޤަބީލާތައް އެކުގައި ފަތަޙަކުރެވި، ޢަރަބި ޖަޒީރާތަކުގެ ހުރިހާ ހިސާބަކަށް އިސްލާމް ދީން ފެތުރި، އިސްލާމީ އުންމަތް ވަރުގަދަވެ ނިމުނީއެވެ. އާދެ! މުޅި ޢަރަބި ޖަޖީރާ އެކުގައި މުސްލިމުންނަށް، ފަތަޙަ ކުރެވުނީއެވެ. މަދީނާގައި ޤައިމުކުރެވުނު ޤާނޫނީ ޙުކޫމަތް (ސަރުކާރު) މުސްލިމުންގެ ބާރުގަދަ ބާރަކަށްވެ، މުޅި ދުނިޔެ ސިއްސުވާލައި ފިއެވެ.
އޭރު ދުނިޔޭގައި ވެރިކަން ކުރަމުން ގެންދިޔަ ރޯމަނުންގެ ބިރަކަށް އިސްލާމީ އުންމަތް ވެގެން ހިގައްޖެއެވެ. ހިޖްރައިން، 10 (ދިހައެއް) ވަނަ އަހަރު، އެއްލައްކަ މުސްލިމުންނައި އެކު، މުޙައްމަދުގެފާނު ޙައްޖުގެ މާތް އަޅުކަން ކުރެއްވިއެވެ. އަދި މާތް މަތިވެރިވެގެންވާ، ޚުތުބާ މުޅި އިސްލާމީ ދުނިޔެއަށާއި އެންމެހައި މީސްތަކުންނަށް ދެއްވިއެވެ. ފަހެ، މިއީ އެކަލޭގެފާނުގެ އެންމެފުރަތަމަ އަދި އެންމެ ފަހުގެ ޙައްޖުވުމެވެ. މިމަތިވެރި އަޅުކަމުގެ ތެރޭގައި އިސްލާމްދީން ފުރިހަމަ ވެއްޖެކަމުގެ ވަޙީ ބާވައި ލެއްވުނެވެ.
ޤުރްއާން މަޖީދުގެ ސޫރަތުލް މާއިދާގެ، 3 ވަނަ އާޔަތުން ބައެއް ބައްލަވާށެވެ!
“الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا”
“އަދު ތިޔަބައިމީހުންގެ ދީން، ތިޔަބައި މީހުންނަށް، ތިމަންﷲ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި، ތިމަންﷲގެ ނިޢްމަތް ތިޔަބައި މީހުންގެ މައްޗަށް، ތިމަންﷲ ފުރިހަމަ ކުރައްވައިފީމެވެ. އަދި، އަލްއިސްލާމް (އިސްލާމް ދީން) ތިޔަބައި މީހުންނަށް ދީނެއްކަމުގައި، ތިމަންﷲ ރުހިވޮޑިގެން ފީމެވެ.”
ފަހެ ދަންނާށެވެ! މި އާޔަތް ބާވައިލެއްވީ، ޙައްޖަތުލް ވިދާޢުގެ އަހަރު ޢަރަފާތު ދުވަހުއެވެ. ދުލް ޙިއްޖާ މަހުގެ، 9 (ނުވައެއް) ވީ، ހުކުރު ދުވަހުއެވެ. އެއީ، ހިޖްރައިން، 10 (ދިހައެއް) ވަނަ އަހަރެވެ. މިހާ ހިސާބުން ވަޙީގެދޮރާށި ބަންދުވެ، އިސްލާމްދީން ފުރިހަމަވީއެވެ.
ދުނިޔޭގައި އުފެދިގެން ދިޔަ އިސްލާމީ އުންމަތުގެ މައްޗަށް ފުރިހަމަ ވެގެންވާ ޝަރީޢަތެއް ޤައިމުވެ، އެދީނާއި ޝަރީޢަތް ޤިޔާމަތައި ހަމައަށް ދެމެހެއްޓުމުގެ ވާޖިބު އެންމެހައި މުސްލިމުންގެ ކޮނޑުގައި އެޅުނީއެވެ. މުޙައްމަދުގެފާނުގެ ޙައްޖަށް، ހަތަރުމަސް ފުރިހަމަ ނުވަނީސް، އެކަލޭގެފާނު ހުންފުޅެއްގެ ވަރުގަދަ އާލާސްކަންފުޅެއްގައި މަދީނާގައި އެކަލޭގެފާނު ބިނާކުރެއްވި މަސްދިދުއް ނަބަވީ އައި އިންވެގެން ހުންނަ ޢައިޝަތުގެފާނުގެ ކޮޓަރި ކޮޅުގައި އޮންނަވާން ޖެހި ވަޑައި ގަތީއެވެ.
މާގިނަ ދުވަހެއްނުވެ، މިދުނިޔެ ދޫކުރައްވައި އެކަލޭގެފާނު، ﷲގެ ޙަޟްރަތަށް ވަޑައިގަތީ ހިޖްރައިން، 11 (އެގާރަ) ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ، 12 (ބާރަ) ވީ ހޯމަ ދުވަހުގެ ހެނދުނު ފަތިސް ނަމާދަށް ފަހު އެވެ. އެއީ، 8 ޖޫން 632 މ. އެވެ. އޭރު ޢުމުރުފުޅަކީ، 63 (ފަސްދޮޅަސް ތިނެއް) އަހަރުފުޅެވެ.
ފަހެ، ދެން ފުށުނީ، 4 (ހަތަރެއް) ޚަލީފާއިންގެ (ޚުލަފާއުއްރާޝިދޫންގެ) ވެރިކަމެވެ. އިސްލާމީ އުންމަތުގެ އެންމެ އުޖާލާ ދުވަސްވަރެވެ. އަބޫބަކުރުގެފާނަށް މުސްލިމުންގެ އެންމެން ބައިޢަތު ހިފީ އެއްވެސް ނުރުހުންތެރި ކަމެއްނެތި ހިތުގެފުންމިނުން ލޯތްބާއި ކުލުނާ އެކުގައެވެ. ޢުމަރުގެފާނައި އެކު، މުސްލިމުންގެ އިސްސަފުގައި ތިއްބެވި ހުރިހާ ޞަޙާބިން ހިތުންރުހި ޤަބޫލުފުޅުކަމާ އެކުގައެވެ.
ފަހެ، އަބޫބަކުރުގެފާނަކީ، ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭފުޅާއެވެ. ޚިލާފަތުގައި ހުންނެވީ، 632 އިން ފެށިގެން، 634 މ. އަށެވެ. އަބޫބަކުރުގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، އިސްލަމީ އުންމަތުގެ، 2 (ދޭއް) ވަނަ ޚަލީފާއަށް ހޮވިވަޑައިގަތީ، އެންމެހައި މުސްލިމުންގެ ރުހުމާއި ތާއީދައި އެކު، ޢުމަރުގެފާނު (ޢުމަރު އިބްނުލް ޚައްޠާބް) އެވެ. ޚިލާފަތުގައި ހުންނެވީ، 634 އިން ފެށިގެން، 644 މ. އަށެވެ. ~ނުނިމޭ~



Comments