top of page

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު ހަތެއް، އަދި ސުވާލު އަށެއް

  • Writer: ilyashusein
    ilyashusein
  • May 15
  • 17 min read

Updated: May 19

މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.


ބޯޑަރކޮންޓުރޯލްގެ ދޮގުތުހުމަތު އީޖާދުކުރުން:


ސ، ހަތެއް: ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މަގާމުގައި، އިލްޔާސް ހުންނަވައިގެން، މެލޭޝިޔާ ކުންފުންޏެއް ކަމުގައިވާ ނެކްސްބިސް އަށް، ބޯޑަރކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް އެވާޑުކުރުމުގައި ކޮރަޕްޝަނާއި ފަސާދައިގެ (ހައްގުނޫން ތުހުމަތުތަކެއް އުފައްދާއި އީޖާދުކޮށް) އެލިގޭޝަން ތަކެއް ކުރެވި ދައުވާ އުފުލިފައި ވެއެވެ. އަދި ޑިސެންބަރ 2013 ގައި، އިލްޔާސްގެ އަމިއްލަ ސިޔާސީޕާޓީ ގައުމީ އިއްތިހާދު ޕާޓީ އުވާލެއްވުމަށް ފަހު، ރޫލިންޕާޓީ ޕީޕީއެމްއައި ގުޅީވަޑައި ގަތުމާއި، ކޯޓުގައިއޮތް ނެކްސްބިސް އައި ހަވާލުކުރެވުނު، ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ކޭސްއައި އެއްވެސް ކަހަލަ ގުޅުމެއް ވޭތޯއެވެ. އިލްޔާސަކީ، އެމްޑީޕީ އުފެއްދުމަށް ރައީސް މައުމޫނު ސަރުކާރަށް ހުށަހެޅިއިރު ސޮއިކުރި، އެންމެއިސް ފަންސާސް މީހުންގެ ތެރޭގައިހިމެނޭ މީހަކަށް ވާއިރު، އެމްޑީޕީ ދޫކޮށް ޕީޕީއެމްއައި ޖޮއިން ކުރުމުގައި ގެންގުޅުއްވި ފުރަތަމަ ވިސްނުމަކީ، ކޮބައިތޯއެވެ؟

 

ޖ، ހަތެއް: އާދެ! ތިޔައީ ތެދުފުޅެކެވެ. މިއަދާ ހަމައަށް ވެސް ރަޖިސްޓްރީ ވެފައި އޮތީ، ޕީޕީއެމްގެ ދަފްތަރު ގައެވެ. އެކަން ކުރެވުނީ، ހަމަގައިމުވެސް އަޅުގަނޑު އެކަމަށް ގައުމީއިއްތިހާދު ޕާޓީތެރޭގައި ތާއިދު ކުރީ، އަޅުގަނޑުގެ ހިތުތެރޭގައި ރައީސް މައުމޫނަށް ދެވިފައިއޮތް ގަދަރެއްގެ ސަބަބުންނެވެ. ރައީސްމައުމޫނު ގެންދެވީ ގައުމީ އިއްތިހާދާ އެކު ގުޅުން ބާއްވަމުންނެވެ. މިއީ ރައީސް ޔާމީނު އެދިވަޑައިގެން ކުރެވުނު ކަމެއް ނޫނެވެ. އެހެނަސް ރައީސް މައުމޫނު ރަށުގައި ވަޑައިގެން ނެތީސް އަބްދުއްރަހީމް އަދުރޭ ލައްވައި ގުޅުއްވައި އަވަސް އަރުވާލައްވާއި ރައީސް ޔާމީނު އެކަން ކޮށް ނިންމާލެއްވީ އެވެ. އެއީ ސިޔާސީ ބޭނުމެއްގެ ތެރެއިން ކުރެއްވި ކަމަކެވެ.


ފަހެ، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމަކީ، މިނިސްޓްރީ އޮފް ފައިނޭންސުން ބައިނަލް އަގުވާމީބިޑަށް ހުޅުވާލައި، ފަސް މިލިއަނަށް ވުރެ މަތީ ޕްރޮޖެކްޓުތައް ހަވާލުކުރާނެ ފަރާތެއް ހަމަހަމަ ގޮތުގައި ހޯދުމަށް އެ މިނިސްޓްރީގައި ގައިމު ކުރެވިފައި އޮންނަ ޓެންޑަރބޯޑުން ބީލަންތައް ދެފަހަރެއްގެ މަތީން ދިރާސާކޮށް މެލޭޝިޔާގެ ނެކްސްބިސް ކުންފުންޏަށް، ދިވެހި ދައުލަތުން އެވާޑުކުރި ޕްރޮޖެކްޓެކެވެ.


ދެވަނަފަހަރަށް ބިޑުތައް ދިރާސާ ކުރަންޖެހުނީ، ޓެންޑަރބޯޑު ގައި ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ ފަރާތުން އޭރު އެބޯޑު ތަމްސީލު ކުރައްވަން އިންނަވާ މަންދޫބު ލައްވައި ސިޔާސީ ބާރުވެރި ވަކިމީހަކު މައްސަލަތަކެއް މެދުވެރި ކުރުވުމުން އޭނާގެ ބާރުގައެވެ. އެފަހަރު އެބިޑުތަކުގައި ހުރި އައިޓިއާ ބެހޭ ބައިތައް ދިރާސާކުރީ ރާއްޖޭގައި އެރޮގުން އެންމެ ފުންނާބު އުސްކޮށް ތިއްބެވި ވަރަށް މުސްތަގިއްލު އައިޓީ ބޭފުޅުންކޮޅެއް ލައްވައެވެ. އެވަރުންވެސް މާރްކްސް ލިބުމުގައި ކުރީގައި އޮތީ، ނެކްސްބިސް ކުންފުންޏެވެ.


ފަހެ، އެމަރްހަލާ ނިމިގެން ލިބުނީ، މިނިސްޓްރީ އޮފް ފައިނޭންސުން އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ނަމުގައި، 1 މަސް ދުވަހުގެ ތެރޭގައި އެގްރީމެންޓެއް ހަދައިގެން ނެކްސްބިސް ލައްވައި މިޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އެންގެވި ރަސްމީ ސިޓީއެވެ.


މާލީވުޒާރާއިން މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެންގެވިސިޓީ
މާލީވުޒާރާއިން މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެންގެވިސިޓީ

ދެން ފަހެ، މިސީޓީއައުމުން އަޅުގަނޑު ކަންކުރި ގޮތަކީ، ކަމާބެހޭ މިނިސްޓްރީ ތަކުންނާއި ބަންޑާރަ ނައިބު އޮފީސް ބޭފުޅުންނާ އެކު، ޖަލްސާތައް ބާއްވައި އެގްރީމެންޓު ޑްރާފްކޮށް ފައިނަލްކޮށް ނިންމާލީ އެވެ. އަދި ފައިނަލް ޑްރާފްޓުގެ ކޮޕީއެއް ރަސްމީ ސިފައެއްގައި ބަންޑާރަނައިބު އޮފީހަށް ފޮނުވައިގެން ވަކިން ޚާއްސަ ލަފާހޯދީއެވެ. އަދި އެއަށްފަހު، އެޕްރޮޖެކްޓް ތަންފީޒުކުރުމުގެ މާތްމަގްސަދުގައި ދައުލަތުގެ ފަރާތުން އިމިގްރޭޝަން ކޮންޓްރޯލަރގެ ހައިސިއްޔަތުން އެގްރީމަންޓުގައި ސޮއިކުރީއެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަތީއެވެ.


ދައުލަތުގެބަންޑާރަނައިބު މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސޮއިކުރުމުގެ ހުއްދަ ދެއްވިސިޓީ
ދައުލަތުގެބަންޑާރަނައިބު މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސޮއިކުރުމުގެ ހުއްދަ ދެއްވިސިޓީ

އާދެ! ޓެންޑަރބޯޑުގެ މަރްހަލާގައި އެބޯޑުގައި ހުންނެވި، ޚާއްސަބޭލުޅަކު ލައްވައި ސިޔާސީގޮތުން ނުފޫޒު ފޯރުވައިގެން، އޭނާގެ ބާރާއި ނުފޫޒުގައި ހައްގުނޫނު ތުހުމަތުތަކެއް އަޅުގަނޑު ބޮލުގައި އަޅުވުމުގެ ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ވަކި ސިޔާސީ ފަރާތަކުން ކުރިއެވެ. ސިޔާސީގޮތުން ވަކިދިމާއަކަށް މިޕްރޮޖެކްޓު ފުރޮޅާލުމުގެ ބޭނުމުގައި ކަންތައްގަނޑެއް ހިންގިއެވެ. ޓެންޑަރބޯޑު މަރުހަލާގައި އޮތް އިރު އެންމެ ކުރިން މިޕްރޮޖެކްޓަށް ހުރަސް އަޅުއްވަން ފެއްޓެވި ސިޔާސީ ބޭފުޅަކީ، ރައީސް އޮފީހުގައި އޭރުހުންނެވި ސްޕެޝަލް އެންވޮއި ސާހިބު ޒަކީ އެވެ.


ފަހެ، މިނިސްޓްރީ އޮފް ފައިނޭންސުން ބިޑަށް ހުޅުވާލުމުން، އެންމެކުރިން އަޅުގަނޑައި ބައްދަލު ކުރުމަށް އައީ އެންވޮއި ސާހިބު ޒަކީ ފޮނުއްވައިގެން ރާއްޖެއަށް ޒިޔާރަތްކުރި އިންވެސްޓަރެކެވެ. މިއީ އަޅުގަނޑަށް މަންޒަރު ދެއްކިގޮތެވެ! މީނާއަކީ، އިންޑިއާ ދަރިކޮޅުގެ ސިންގަޕޫރު ރައްޔިތެކެވެ. ވަރަށް މަޝްހޫރު ބޭފުޅެކެވެ. މީނާ އަޅުގަނޑު ގާތަށް އައީ ކަދުރުޕެކެޓެއް ހިފައި ގެންނެވެ. ކަދުރަށް އިސްކަމެއް މިދެވުނީ، އަޅުގަނޑަކީ އަރަބިކަރައިގައި ގިނަދުވަހު އުޅެފައިހުރި މީހެއްކަން ކުރިޔާލައި އެނގިފައި ވާތީކަމަށް ވެދާނެއެވެ!


މީނާއަކީ އައިޓީ އެކްސްޕާޓް ކުންފުނިތައް ގެންގުޅޭ މީހެއް ކަމާއި، ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓުގެ ވާހަކަތައް ކުރިޔަށް ގެންގޮސް އެކަން ފުރިހަމަ ކޮށްދެވިދާނެ ކަމަށް ބުނެދިނެވެ. އަދި މިޕްރޮޖެކްޓް ހޯދުމަށް ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އެކަނި އިންނަވައިގެން ދެއްކެވީ ރީތިދިގު އޮމާން އަޑިނޭނގޭ ވާހަކަ ތަކެކެވެ. ހަގީގަތުގައި މިނާ އަކީ ކަމާބެހޭ ކުންފުނިތަކާ ގުޅައިދޭނެ ބުރޯކަރެކެވެ. ދަމާކަނޑާ އެޖެންޓެވެ.


ފަހެ، އޭނާގެ ރީތިނަމަކީ، ރާމަރާޖްއެވެ. އަޅުގަނޑު އޭނާއަށް ދަންނަވަން ޖެހުނީ، “ތިޔައީ، މިނިސްޓްރީ އޮފް ފައިނޭންސުން ކުރާކަމެކެވެ. އަޅުގަނޑު އަމިއްލައަށް ކުރާ ކަމެއް ނޫންކަމަށެވެ. ތިޔަކަމުގައި އަޅުގަނޑަށް ކުރެވޭނެކަމެއް ނެތެވެ.” އަޅުގަނޑު ކައިރިއަށް ތިޔަބޭފުޅާ ފިނުއްވި އެންވޮއި ސާހިބު ޒަކީ އަށް މިގޮތަށް އަހުރެން އެބަބުނެއޭ ދަންނަވައި ދޭށެވެ. މިހިސާބުން މިމަޝްރޫއާ ދެކޮޅުހަދާނެ ފުރަތަމަ ފުރާތް އުފެދުނީއެވެ. އެއީ ރައީސް އޮފީސް ތެރޭގައި ހުރި ބޮޑު ބާރެކެވެ.


އާދެ! މިރާޖަކީ އަޅުގަނޑު ފަހުންހޯދައި ގޫގުލްކޮށް ބެލިއިރު، 2008 ގެ ކުރީ ސަރުކާރުގެ ތެރޭގައި ޓްރޭޑް މިނިސްޓްރީއައި ވަރަށްގުޅުން ބަދަހި، ރައީސް ޔާމީން ޓްރޭޑް މިނިސްޓްރީ ހިންގެވި އެޒަމާނުގެ ސިންގަޕޫރުގެ ގަދީމީ ދޯސްތެކެވެ. އޭރު ރާއްޖެއަށް ގެނެވުނު ގިނަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ކަންކަމުގައި މެދުވެރިއަކަށް އުޅެފައި ހުރި، ދަމާކެނޑުމުގެ ޗާލާކީ ހުނަރު ހުރި ކަޓުޖައްސަން ދަންނަ އެޖެންޓެކެވެ. އޭރު މީނާ ގުޅިފައި ހުރި ފަރާތްތަކަކީ މިއެވެ! އަޅުގަނޑަކީ މިފަދަ ކަންކަމަށް ބަލާއި އިސްކަން ދީގެން ރަސްމީ ކަންކަން ކުރާމީހެއް ނޫނެވެ!


ދެވަނައަށް އަޅުގަނޑު ކައިރިއަށް މެލޭޝިއާ ޓީމުތަކަކާ އެކު ވަޑައިގެންނެވީ، މެލޭޝިޔާގައި އޭރު ހުންނެވި ދިވެހިސަފީރު ދާތޯޒަކީއެވެ. ތިން ކުންފުންޏެއްގެ ތިންޕާޓީއެއް އެޓީމުގައި އުޅުނެވެ. ކޮންމެ ޓީމަކުން ވެސް ކުދިދި ހަދިޔާ އަބައެއްގެ ކުންފުނި ރަމްޒުކޮށްދޭ ކުޑަގިފްޓެއް ދިނެވެ. އެއެއްޗެހި ތައް އިމިގްރޭޝަނުގެ ބިއްލޫރި ޖެހި އަލަމާރިއެއްގައި ކޮންޓްރޯލަރ ކޮޓަރީގައި އަޅުގަނޑު ނުކުތް އިރު ހުންނާނެއެވެ.


ކޮންމެއަކަސް ބަލަންވާ ބެލުންތައް ބަލައި، އަދި ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަކޮށް ނިންމާފައި ޓެންޑަރބޯޑުން ޕްރޮޖެކްޓު އެވާޑުކުރީ މެލޭޝިޔާގެ ޓީމުތަކުގެ ތެރެއިން ނެކްސްބިސް ކުންފުންޏަ ށެވެ. އެކުންފުނިން އަޅުގަނޑައި ބައްދަލު ކުރަމުން، އަދި އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަމުން ގެންދިޔައީ އަބަދުވެސް ދެމީހެކެވެ. އެއީވެސް މެލޭޝިޔާގެ ދެދާތޯއެވެ. މާފަހުން އެނގުނު ގޮތުގައި މީގެތެރެއިން އެއްދާތޯ އަކީ، މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރުގެ ދަނބި ދަރިފުޅެކެވެ.


ދެންފަހެ، އެގްރީމެންޓައި އެއްގޮތަށް ޕްރޮޖެކްޓުގެ މަސައްކަތް ފަށައި ގަތްފަހުން، މިކަމުގެތެރެއަށް ރައީސް ޔާމީނުގެ ގުޑްފުރެންޑް ކުރީގެ އެމްޕީ “ޖަނގިޔާ” ނާޒިމް ވަރަށް ސީރިއަސްކޮށް ވެންނެވި ތަން ފެނުނެވެ. އެތައްގޮތަކަށް ޑީލްތައް ހިއްޕަވައިގެން ނެކްސްބިސް އާ ގުޅައިގެން އެކިގޮތްގޮތަށް އުޅުއްވައިގެން ވެސް އޭނާގެ އެދުންތަކައި އެއްގޮތަށް އެކަންވާނެ ގޮތެއް ނުވިކަމަށް ޚަބަރުތައް ލިބުނެވެ.


ފަހެ، އެހިސާބުން އެހާ ކުރީކޮޅު އެހަސަދާގައި ދެން ފެއްޓެވީ، ސީދާކޮށް މިޕްރޮޖެކްޓާ ދެކޮޅަށް ސިޔާސީ ހިމޭން ހަނގުރާމައެއް ކުރިޔަށް ގެންދަވާށެވެ. ބާރު އިސްޕީޑުގައި އެ ހަނގުރާމަ ކުރާށެވެ. މިހަނގުރާމަ އޭސީސީ ތެރެއިން ކުރިޔަށްވުރެ ވަރުގަދަކޮށް އިތުރަށް ބާރު ސްޕީޑްގައި ހިނގައިގަތެވެ. ނާޒިމަކީ އެފަދަ ކަންކަމުގެ ކުޅަދާނަ މާހިރަކަށް ވާތީއެވެ.


އަދި ރައްޔިތުންގެ މަޖްލިސް ކޮމެޓީތަކާއި މުޅިތަޅުމަށް ވެސް ގެނެސް މިކަން ވައްދައި، އަޅުގަނޑުގެ އެއްވެސް ޖަވާބުދާރީއެއް ކުރުވުމެއް ނުހިންގައި، އިމިގްރޭޝަނަށާއި އަޅުގަނޑައި ސުވާލެއްހިލަމެއް ކޮށްލުމެއް ވެސް ނެތި، ކުރިޔަށް ގެންދިޔައީ ވަރަށް ސިޔާސީ ކޮށްގެން ސީދާ ޕީއޭ ފިކުރުގެ ފަޅިންނެވެ. ލީޑަރަކަށް ހުންނެވީ އެމްޕީނާޒިމެވެ. ޖަނގިޔާއެވެ. ބޮހަކީ ރައީސް ޔާމީނެއެވެ. އެމްޕީ ނާޒިމަކީ، ކަމާބެހޭ ކޮމެޓީގެ މުގައްރިރެވެ. މުގުލުގައި ހުތްލައިދޭން އަބަދުވެސް ހުންނެވީ އެކުދިންގެ ބޮސްޔާމީނެވެ. ވަކި ހިސާބެއްގައި އިދިކޮޅު ހަރަކާތުގެ އެޖެންޑާއަށް ޖީއެމްއާރު ކޭސް ވާހަކައިގެ ފަހަތަށް މި ޕްރޮޖެކްޓުގެ ވާހަކަ އިތުރުކޮށްލައިގެން ވައްދައިފިއެވެ. ވަރަށް ބޮޑަށް ސިޔާސީ ކުރެވިއްޖެއެވެ. ވެރިކަމަށް އައުމަށް ބޭނުން ކުރެވޭ ހަތިޔާރަކަށް ހަދައިފިއެވެ!


އާދެ! މަޖްލިސް ކޮމެޓީއަށް ވަރަށް ތަފްސީލުކޮށް މިވާހަކަތައް ސިޓީއަކުން އަޅުގަނޑު ލިޔުނީމެވެ. މިހާ ތަފްސީލު ނުކުރިޔަސް ފުދޭވަރެއްގެ ތަފްސީލެއް ލިޔުމުން ދިނީމެވެ. އަދި އެކޮމެޓީގެ ހުރިހާ މެމްބަރުންނަށް ކޮޕީކޮށް ފޮނުވާލީމެވެ. އެހެނަސް ޖަވާބެއްހާ ހިސާބު ވެސް އެއްވެސް ފަރާތަކުން ނުދިނެވެ.


އެކަމާ މަޖްލިސް ރައީސަށް ސިޓީއެއް ލީމާ ޖަވާބުދެއްވީ، އެއީ މަޖްލިސް އެކޮމެޓީން ކުރާކަމެއް ކަމަށެވެ. އަޅުގަނޑު އެދުވަސްކޮޅު ހުރީ ހުރިހާ މީޑިއަކަށް އެރުމުން މަހްރޫމްކޮށް ފައެވެ. މަނާކޮށްފައެވެ. އަދި މަދުން ފުރުސަތެއް ދީފަ ޚަބަރު ގެނެސްދެނީ އޮޅުވާލައި ގެން ބުނާއެއްޗަކާ ދިމާ އިދިކޮޅަށެވެ. އެންމެ ބޮޑަށް މިގަނޑު ގަތީ، އުއްޗުއެއްގެ ދިޓީވީންނެވެ. ކިރިޔާވެސް ލައިވްކޮށް އަޅުގަނޑުގެ ބަސްދީގަތުމެއް އެންމެފަހަރަކު ގެނެސްދިނީ ރާއްޖެޓީވީގައި އުޅުނު ދެޒުވާނެވެ. ފަހުން އޭގެ ރިޕީޓެއް ނުގެސްދެއެވެ. އަދި އެރިޕޯޓަރަށް ޑިމޯޝަނެއް ދެވުނެވެ. މިހާބޮޑަށް އަޅުގަނޑު ހުރީ ހިސާރުގައެވެ. ސިޔާސީރަހީނު ކުރެވިފައެވެ.


ފަހެ މި ދެމިގެންދިޔަ ހިމޭން ހަނގުރާމަ އީޖާދުވުމުގެ އަސްލަކީ، އެޖެންޓު ރާޖަށް ޕްރޮޖެކްޓް ނުލިބި ކަޓައިގެން ދިއުމެވެ. ފަހުން ދެޒަކީއާ ހިސާބުން ނެއްޓި ހިމޭންހަނގުރާމަ ކުރިޔަށް ދިޔައީ، ނެކްސްބިސް ކުންފުންޏާއި ޕީއޭފިކުރުގެ ފަޅިން އެމްޕީނާޒިމް ޖަނގިޔާ އާ ދެމެދުގައެވެ. އަޑީގައި ތިބީ، ރާއްޖޭގައި އެވަގުތު އޮތް އިދިކޮޅު ހަރަކާތުގެ މުގޫ، އުނަގަނޑަށް އޮޅާލައިގެން ހުންނެވި އުއްޗުއެއް ކިޔާ ފަރާތެކެވެ.


އޭނާގެ އަތުން ކޮންމެ ދުވަހަކަށް ދެވޭ ވަކިވަރެއްގެ ނަގުދު ފައިސާއިން ހިންގަމުން ގެންދިޔަ ސިޔާސީ ހަރަކާތަށް ޕީއޭ ފިކުރުން ވަދެ ހަޅޭލަވަން ތިބި އިސް ފަރާތްތަކު ތެރެއިން ފާޅުވެގެންދާ އަޑުގަދަ ވަކި ބައެކެވެ. ޚުދު ޔާމީނު ވެސް މިވާހަކަ ޖީއެމްއާރު މަޝްރޫއަށް ފަހު ގުޅުވައިގެން އަސްލަށް ބެއްލެވުމެއް ނެތި ޕަބްލިކުގައި ގޮވާހެއްދެވި އެވެ. އެހެނަސް ނެކްބިސްގެ ވާހަކަ މަޚްލޫފް، އަދި އަދާލަތު ޕާޓީގެ އިމްރާނުމެންގެ ކިބައިން އަޑެއް ނީވެއެވެ. އެބޭފުޅުން މިވާހަކަ ސިޔާސީކޮށްގެން ނުދައްކަވައެވެ.


އާދެ! މިކަހަލަ ވިޔަފާރިވެރިންގެ އެހީގައި މިއީ ވަރަށް ހޫނުކޮށް ކުރިޔަށް ދިޔަ ސިޔާސީ ހިމޭންހަނގުރާމަ އެކެވެ. މިދޭތެރޭގެ ދެމެދުގައި ތާށިވެފައި ހުންނަން ޖެހިފައި ވަނީ، އަދިއަދަށް ދާންދެން ވެސް ސީދާ އަޅުގަނޑަށެވެ. ސިޔާސީ ގޮތުން ކަތިލީ އަހުރެންނެވެ.


ދަންނަވަން ތޯއެވެ! ދެވަނަ ފަހަރަށް ބިޑުތައް ދިރާސާކުރަން ޓެންޑަރބޯޑަށް ޖެހުނީ، ފުރަތަމަ ސިޔާސީ އޮއިވަރުގެ ތެރެއިންނެވެ. އެންވޮއި ސާހިބު ޒަކީގެ އޮއިވަރަކީ ފުރަތަމަ މަރްހަލާއެވެ. މި އޮއިވަރާ ފުރަތަމަ އަޅުގަނޑަށް ފެނުނު އެޖެންޓާ ހިސާބުން އޮތީ ގުޅިލާމެހި ފައެވެ. މިއީ މި ހިމޭންހަނގުރާމަ ފެށުމުގެ އިބްތިދާއީ މަރްހަލާއެވެ. ދެވަނަ މަރުހަލާ ފެށުނީ، އެމްޕީ ނާޒިމް މީގެ ތެރެއަށް ވަންނަވައި އަމަލީ ގޮތުން އޭނާ އާއި އޭނާގެ ޕާޓީ ތެރެއިން ކުޅެން ފެއްޓެވި ހިސާބުންނެވެ.


އާދެ! ފުރަތަމަ މަރްހަލާ ގައި ހިމޭން ހަނގުރާމަ ކުރިޔަށް ގެންދިޔައީ ޓެންޑަރބޯޑު ތެރެއިންނާއި އިމިގްރޭޝަން ތެރެއިންނެވެ. ހެސްކިޔާފަ ސިޔާސީ ކުޅިތައް ރާވައިގެން ކުރިޔަށް ކުޅުއްވަމުން ހަމަލާތައް ރާވަމުން ދެމުން ގެންދިޔަ އެވެ. އެޓޭކުތައް އައެވެ. މައިދާން އޮތީ ވަރަށް ހޫނުކޮށެވެ. އިމިގްރޭޝަނުގައި އޭރުހުރި ސިޔާސީ އިސް މުވައްޒަފެއް ކަމުގައިވާ އާދަން ނަސީރު ލައްވައި، މިޕްރޮޖެކްޓު ހުއްޓުވައި ދިނުމަށް އެދި، އޭނާގެ އަތުން ގެންގޮސް އޭނާގެ ނަމުގައި ސިޓީއެއް އޭސީސީއައި ހަވާލުކުރީ، ހޮވުނު ޕާޓީން އެގްރީމަންޓުގައި ސޮއިކުރި ދުވަހު ރަސްމީ އޮފީސްތައް ހުޅުވި ގަޑީގައެވެ. އެހާ ހެނދުނާއެވެ.


އަމާޒު ކުރެވިފައި ހުރީ އޭސީސީ ލައްވައި ވަގުތުން ދެފަރާތުން ކުރިޔަށް ގެންދިޔަ ސޮއިކުރުން ވަގުތުން ހުއްޓުވާ ލުމަށެވެ. އެސިޓީ އަކީ އެބޭނުމުގައި އޭސީސީއަށް ވެއްދި ސިޔާސީނުފޫޒު ހުރި ހަގީގަތުން ބޭރު ސިޓީއެކެވެ. ފާރަލަމުން ގެންދިޔަ މިދެންނެވި ސިޔާސީ މަގާމުގައި ހުންނެވި މުވައްޒަފުގެ ގްރޫޕުން ސޮއިކުރިޔަ ނުދިނުމަށް އިމިގްރޭޝަން ތެރޭގަ އާއި ބޭރުގައި ތިބެގެން ގިނަ ކަންތައްތަކެއް ހިންގިކަން ފަހުން އެނގިފައި ވެއެވެ.


އެހެނަސް އެދުވަހު ހެދުނު ގަޑިއެއްގައި ބަންޑާރަނައިބު ދެއްވިލަފާތައް ހިމެނުމަށް ފަހު، ބަންޑާރަ ނައިބު ރަށުގައި ވަޑައިގެން ނޫޅުއްވާތީ، ބަންޑާރަ ނައިބުގެ ޑެޕިއުޓީއެއް ލައްވައި އެންމެންގެ ހާޒިރުގައި ތައްޔާރު ކޮށްފައި އޮތް އެގްރީމަންޓުގައި ސޮއިކުރާ ފައިނަލް ކޮޕީއަށް އެއޮފީހުން ވިދާޅުވި ބައިތައް ފުރިހަމައަށް ވެއްދިފައި ހުރީ ރަނގަޅަށްތޯ ކަމަށް ޗެކުކުރެއްވުމަށް ފަހު، އެބޭފުޅާ އޯކޭ ދެއްވައި އެކަމުގެ ލިޔުން ސިޓީއަކުން ލިބުމުން، އެގްރީމަންޓުގެ ހުރިހާ ގަނޑެއްގައި ކޮންޓްރޯލަރ ކޮޓަރިތެރޭގައި ހެކިންނާ އެކު އެކޮޓަރީގައި ހުނއނަ ވަށްމޭޒެއްގައި ތިބެގެން ދެފަރާތުން ރަސްމީ ސޮއިކޮށް ވަނީ އެދުވަހު ހެނދުނާ ނިންމާލާފައެވެ.


އޭރު ދިޔައީ ރަމްޒީގޮތުން ވަކި ހުސް ކަރުދާސް ގަނޑެއްގައި ސޮއިކުރުން ކޮންފަރެންސް ހޯލްގައި ބޮޑު ރަސްމިއްޔާތެއް ގޮތުގައި ތަސްވީރާއި މަންޒަރުގެ ހަނދާނަށްޓަކާ މެންދުރަށް ތައްޔާރު ވަމުންނެވެ. އެއީ ނޫސްރިންނަށް ސޮއިގެ މަންޒަރު ދެއްކުމަށާއި ނޫސްވެރީންނަށް އަޅުގަނޑު ބަސްދީގަތުމެއް ދިނުމަށް ބޭއްވުނު ޝޯއެކެވެ.


މަޝްރޫއާ ބެހޭ ބަސްދީގަތުން
މަޝްރޫއާ ބެހޭ ބަސްދީގަތުން

އޭސީސީން އެގްރީމަންޓުގައި ސޮއިކުރުން ހުއްޓުވާލުގެ ސިޓީ އަޅުގަނޑު އަތަށް ގެނެސްދިނީ، ރަމްޒީސޮއި ކުރުމުގެ ރަސްމިއްޔާތު ވެސް ނިމި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ ހަދާފައި އެނބުރި އަޅުގަނޑުގެ ރަސްމީ ކޮޓަރިއަށް، މޭޒަށް އައިފަހުންނެވެ. ވީމާ ސޮއިކުރުން މަނާކޮށް ކޮންޓްރޯލަރަށް އެދުވަހުން އެދުވަހަށް އޭސީސީ ތެރެއިންލާފައި ނާޒައިޒު ގޮތުގައި ނެރުނު ރަސްމީ ސިޓީ، ފާރަލަމުން ގެންދިޔަ ޓީމުގެ ބުރަމަސައްކަތާ އެކުވެސް އަޅުގަނޑަށް ކިޔާލަން ލިބުނީ ހުރިހާކަމެއް ނިމުމަށް ފަހުގައެވެ. ﷲ އެކަން ނިންމެވީ އެގޮތަށެވެ! ﷲ އަށް ހަމްދު ކުރީމެވެ!


އެސިޓީ އަޅުގަނޑަށް މިބައްދަލު ވުމުގެ ކުރިން ކިޔާލަން ލިބި ކިޔާލެވުނު ނަމަ މިމަންޒަރުތަކުގެ ޝޯ ނޫސްވެރިންނަށް ނުދެއްކުނީހެވެ. އަދި އަޅުގަނޑުގެ ބަސްދީގަތުން ވެސް ނުބޭއްވުނީހެވެ. ސޮއި ކުރުމުގެ ކުރިން ސިޓީ ކިޔާލެވުނު ނަމަ، އަޅުގަނޑު އެކަމާގުޅޭ ގާނޫނީ ލަފާ ހޯދަން މަޖްބޫރުވީހެވެ. އަދި މި ރަސްމިއްޔާތަށް ބުރޫތަކެއް އެ ގުރޫޕުން ބޭނުންވި ގޮތަށް އެރީހެވެ. އެހެނަސް، ﷲ ނިންމެވީ އެންމެ ފުރިހަމަކޮށެވެ.


މިމަޝްރޫއާ އިދިކޮޅު ފަރާތްތަކުން ކުރިބުރަ މަސައްކަތާ އެކުވެސް އޭސީސީގެ ސިޓީ އަޅުގަނޑަށް ރައްދުކުރެވުނީ އެދުވަހު ހެނދުނު ކޮންޓުރޯލާ ކޮޓަރީގައި ހުންނަ ވަށްމޭޒުގައި ރަސްމީ ސޮއިކޮށް އަދި މެންދުރެއްހާ އިރު ހިންގުނު ރަމްޒީސޮއިގެ ރަސްމިއްޔާތާއި ބަސްދީގަތުން އެކުގައި ނުމުނު ފަހުންނެވެ! އަލްހަމްދުލިއްލާހި!


ރަމްޒީސޮއިކުރުމުގެ ރަސްމިއްޔާތު
ރަމްޒީސޮއިކުރުމުގެ ރަސްމިއްޔާތު

އާދެ! އެހެނަސް ސޮއި ކުރުމުގެ ރަސްމީ ހުރިހާ ބައިތަކެއް ހިނގައި ނިމިފައި އޮތުމުން އަޅުގަނޑު ވަރަށް ވިސްނާފައި އޭސީސީއަށް އަވަސް ޖަހާފައި ސިއްރު ސިޓީއެއް ލިޔުނީއެވެ. އަދި މިކަމަށް އިމިގްރޭޝަނުގައި ޚާއްސަ ކުރެވިފައި އޮންނަކޮމެޓިއާ ކުއްލި މަޝްވަރާއެއް ދެފަހަރެއްގެ މަތީން ކުރީމެވެ. އަދި އަނެއް ދުވަހު ހެނދުނު އޭސީސީއަށް އަޅުގަނޑާއި އެކޮމެޓީގެ އެކަކާ ދެމީހުން ގޮސް ވަދެ އެތާގައި އިރުގަނޑަކު ތިބެގެން، އޭސީސީގެ ރައީސް ލުތުވީ އާއި އެކޮމިޝަނުގެ އެހެން މެންބަރަކާ އެކު ހަތަރު މީހުން އެކުގައި ތިބެގެން ގިނަ ވާހަކަތަކެއް ދެފަރާތުން ބަދަލުކޮށް ހެދީމެވެ.


ވަރަށް ސާފުކޮށް އަޅުގަނޑު ސޮއިކޮށް ނިންމި އިރު އޭސީސީގެ ސިޓީ ނުލިބޭކަމާ، އަދި ނުކިޔާ ކަމަށާއި މިހާރު އެވަނީ ދައުލަތުން ނިންމެވި ގޮތަށް އެޕްރޮޖެކްޓު ކުރިޔަށް ގެންދިއުމަށް ދެފަރާތުން އެއްބަސްވެވި އެ އޮތީ ފުރިހަމައަށް ބަނދެވި އަގްދު ކުރެވިފައި ކަމަށް ނޫސްވެރިންނަށް ދެންނެވީމެވެ. އަދި ކޯޓުން ނޫންގޮތަކަށް އެކަމެއް ނުހުއްޓުވޭނެ ކަމަށް ވަރަށް ސާފުކޮށް ދެންނެވީމެވެ.


އަޅުގަނޑު އެ އެއްބަސްވުމަށް އަމަލުކުރުން ކޯޓުން ނާންގާހާ ހިނދަކު ކުރިޔަށް ގެންދިއު މަކީ އަޅުގަނޑަށް ވާޖިބުވާނެ ކަމެއްކަން ވަރަށް ސާފުކޮށް ދެންނެވީމެވެ. ތަފްސީލުކޮށް ބުނެދީ ދިވެހި ދައުލަތަށް، މިކަން ކުރިޔަށް ގެންދިއުމުން ފައިދާތަކެއް ވެގެންދާނެކަން ސާފުކޮށް ކިޔައި ދިނީމެވެ. އަދި މިސިސްޓަމުން އޭސީސީއަށް ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެވިދާނެކަމަށް ކަޔައި ދިނީމެވެ.


ދެން އެދުވަހު އޭސީސީން ނުކުމެގެން އައިސް، ކޮންޓްރޯލަރ ކޮޓަރިތެރެއަށް ވަދެ، ވުޟޫކޮށް ހަދައިގެން އެތަނުގައި ނަމާދެއްކޮށް، ﷲ އަށް ދުއާކުރުމަށް ފަހު އަދިވެސް އިތުރަށް ވަރަށް ގިނައިން ވިސްނީމެވެ. އެކިގޮތްގޮތަށް އެކަނި އިނދެގެން ޚިޔާލުތައް އަނބުރާ ހެދީމެވެ. އެއަށް ފަހު، އަޅުގަނޑު ނިންމީ ދައުލަތުގެ ނަމުގައި ސަރުކާރުން އެންގެވި ގޮތަށް އަދި އަގްދު ވެވުނުގޮތަށް މިކަންތަކައިގެން ބާރަށް ކުރިޔަށް ދާށެވެ. އޭސީސީން އެކުރަނީ ސިޔާސީ މަސައްކަތެއް ކަމުގައެވެ. އެއަޒުމުގައި ކުރިޔަށް ދާންފެށީއެވެ.


އޭސީސީއާ ބައްދަލުކުރުމުން ލުތުފީ ތެޅިގެންފައި ރާގުބަދަލުކޮށް ފޮނުވިސިޓީ އޭސީސީގެ ދެވަނަސިޓީ
އޭސީސީއާ ބައްދަލުކުރުމުން ލުތުފީ ތެޅިގެންފައި ރާގުބަދަލުކޮށް ފޮނުވިސިޓީ އޭސީސީގެ ދެވަނަސިޓީ

ފަހެ، އޭސީސީން ކޯޓަށް ދިއުމުންވެސް ދަށުކޯޓުން ނިންމީ، ކުރިޔަށް ގެންދާށެވެ. އަދި ސްޕްރީމްކޯޓުން ވެސް ހުކުމްއައީ އޭސީސީއަށް ބައެއްގެ ހައްގުތައް ހުރި އަގްދު އުވާލާއި ޕްރޮޖެކްޓް ހުއްޓުވުގެ ބާރެއްނެތް ކަމަށެވެ. މިހާރުވެސް ސްޕްރީމްކޯޓުން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ގަޒިއްޔާ އެކޯޓުގެ ވެބްސައިޓުގައި ފެންނަން އެބަހުއްޓެވެ. ސުޕްރީމްކޯޓުން ނިންމެވީ އަހުރެން ކުރީ ސައްހަ ރަނގަޅު ސޮއެއް ކަމަށެވެ!


ސުޕްރީމްކޯޓުން މަޝްރޫއު ރަނގަޅުކަމުގައި ނިންމެވި ގަޒިއްޔާގެ ފުރަތަމަ ސޮފުހާ
ސުޕްރީމްކޯޓުން މަޝްރޫއު ރަނގަޅުކަމުގައި ނިންމެވި ގަޒިއްޔާގެ ފުރަތަމަ ސޮފުހާ

އެހެނަސް ސިޔާސީ ނުފޫޒެއްގައި ޖެހި އޭސީސީން މިތަހުގީގު ހުއްޓައި ނުލާ ކުރިޔަށް ގެންގޮސް، އަޅުގަނޑު ފަރުދީގޮތުން އިދާރީ ޒިންމާތަކެއް ފުރިހަމަ ނުކޮށްހުރި ކަމަށް ހަދައި އިތުރު ބަޔާންތަކެއް އިމިގްރޭޝަނަށް ދެފަހަރެއްގެ މަތިން ފުލުހުންނާ އެކު ވަދެ، މުޅިތަން ޗެކްކޮށްހަދައި އެޕްރޮޖެކްޓުގެ ދަށުން ފަރުމާކުރި ސޯފްޓުވެއާއަށް ދާންދެން ޗެކްކޮށް، ތަޖްރިބާތައް ކުރުމަށް މުވައްޒަފުންނަށް ވަގުތީ ގޮތުން ދޫކޮށްގެން ގެންގުޅުނު ހުރިހާ ލެޕްޓޮޕްތަކާއި އެހެން ބައެއް ލިޔުންތައް ވެސް އޭސީސީއަށް ގެންދިޔައެވެ.


ލެޕްޓޮޕްތަކަކީ ރިޝްވަތަށް ނެކްސްބިސް ކުންފުނިން ދީގެންއުޅޭ އެއްޗަކަށް ހަދައި މުޅިމީޑިއާގައި އޭސީސީން ލުތުފީއަކާއި ހިލްމީއެއް އަރާތިބެ، ސިޔާސީގޮތުން އަޅުގަނޑު ފަލީހަތްކޮށް، ބަދުނާމު ކުރީއެވެ. ސިޔާސީ ގޮތުން ކަތިލަން ބައިވެރިވެ ދިނީއެވެ. އަދި އިމިގްރޭޝަނުގެ ބައެއް އޮފިސަރުން އޭސީސީއަށް ޗިޓު ފޮނުވައިގެން ހާޒިރުކޮށް އަންހެން އޮފިސަރުން ބިރުދައްކާއި ރޮއްވައި ހަދައިގެން ބަޔާންތައް ނެގުމަށް ފަހު، އެމައްސަލަ ވެސް ޕީޖީ މެދުވެރިކޮށް ކޯޓަށް ވެއްދީއެވެ.


އެހެނަސް އެލެޕްޓޮޕްތައް ހަތްދުވަހުގެ ތެރޭގައި ނެކްސްބިސް ކުންފުންޏާ ހަވާލުކުރުމަށް އަންގައި ކޯޓުންވަނީ ހުކުމްކޮށް ނިޔާ ކަނޑައަޅާފަ އެވެ. އަދި އިތުރު ދައުވާތައް މިގޮތުން އަޅުގަޑުގެ މައްޗަށް އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ތަފާތުއެތައް މައްސަލަތަކެއް އީޖާދުކޮށް ފޮނުވާލިއެވެ.


އެހެނަސް ﷲގެ ރަހްމަތުން، އެމައްސަލަ ތައްވެސް ވަނީ، ނެކްސްބިސް ކޮޅަށްނިމި ފުރިހަމަ އިންސާފު ލިބިފައެވެ. އަޅުގަނޑުގެ ވެސް އެއް މައްސަލަ ފިޔަވާ އެހެން ހުރިހާ މައްސަލަ ތަކެއް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން އޭސީސީއަށް އެ މައްސަލަތަކުގައި ގާނޫނީ ބިނާއެއް ނެތިގެން އަނބުރާ ފޮނުވާލާ ފައެވެ.


މީގެތެރެއިން އެއްމައްސަލަ އޭސީސީ މީހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމަށް ހަދައި އަޅުގަނޑު އެމީހުން އިމިގްރޭޝަނަށް ނުވައްދަން އުޅުނުކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސާވިސް އަށް އޭސީސީން ހުށަހެޅި އެވެ. އެހެނަސް އެމައްސަލަ ވެސް މެދުތެރެއިން ބެލުން ހުއްޓާލުމަށް ފަހު، އެމްޕީ އަބްދުﷲ ރުޔާޒު ސީޕީއަށް ހުންނެވި އިރު ވަނީ ފުލުސް އޮފީހުން އެއްވެސް އާރެއް ނެތިގެން ބޭރުކޮށް ލާފައެވެ.


ދެން ކޯޓަށް ވެއްދި ހުރިހައި މައްސަލައެއް ވަނީ، ސާބިތުނުވެ ނިމިފައެވެ. ނަސްރު ދެއްވީ ނުކަމެތި އަހުރެންނަށެވެ. ނިޔަތް އިޚުލާސްތެރި ވެއްޖެ ނަމަ ނަތީޖާ ރަނގަޅު ވާނެއެވެ. ކޯޓުގައި ނުނިމި އޮތީ ފަރުދީގޮތުން އަޅުގަނޑުގެ މައްޗަށް ދައުލަތުން ކުރާ، ނެކްސްބިސް ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރިކަމަށް ބުނެ ކުރަމުން ގެންދާ ކޮރަޕްޝަނާއި ފަސާދައިގެ ދައުވާއެއް އެކަންޏެވެ. އަދިވެސް ހުކުމެއް ނީއްވައި އެގަޒިއްޔާ ގެންދަނީ، ސިޔާސީ ގޮތުން ދަންމަމުން ކުރިޔަށެވެ. ކޯޓަށް ނުކިޔާތާ ދޮޅުއަހަރަށް ވުރެވެސް ގިނަވެގެން ހިގައްޖެއެވެ.


މައްސަލަ ބަލަން ތިއްބަވާ ފަނޑިޔާރުން ބަދަލުވެ އެއްގާޒިއަކު ގެންގުޅުއްވާ ބަޔާންތައް އަނެއް ފަނޑިޔާރަށް ބަދަލުވާއިރު ނުލިބި ހުންނާތީ، އަލުންބަލުން މައްސަލަ ބަލަން ފަށާފައިވެސް އެބަހުއްޓެވެ. ދިގުލަމުން ދެމެމުން ހަމަ ދަނީއެވެ. ސިޔާސީވަމުންދަނީއެވެ. ކަރުދާސް ކުރަމުން ދިގުދަންމަމުން ގެންދަނީއެވެ. ހުކުމެއް ނެރޭކަށް އެއްވެސް ފަނޑިޔާރަކަށް ނުކެރެއެވެ. ބައެއްގެ ބޭނުމާއި މަގުސަދު ފުއްދައިދެއެވެ. އަޅުގަނޑު ސިޔާސީ ގޮތުން ތާށިވެފައި ރަށުބަންދުގައި ހުންނަން ވީއެވެ. 2011 ގައި އުފުލުނު މިދައުވާ އަދިވެސް ޗުއިންގަމް ކިރުގަނޑެއް ހެން ދަމަދަމައިގެން އޮލަކުރި ގޮތަށް އެނބުރި އަނެއްކާ ވެސް ގަނޑުވެ ހަރުވެފައި ހަމަ އޮތީއެވެ.


އާދެ! އެހެނަސް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑަށް އޮވެއެވެ. އެއީ އަޅުގަނޑުގެ އަގީދާއެވެ. އީމާނެވެ. ޕީޖީއޮފީހުން ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން އެންމެބޮޑެތި ފައިލުގެ ފުރިފައި ހުންނަ، 6 ފައިލް ގެންގުޅުއްވާ ތަން ފެނެއެވެ. އެބޭފުޅުން އެފައިލްތައް އުފުއްލަވާ ހައްދަވަނީ ވެސް އޭސީސީގެ ނަންޖަހާފައި އޮންނަ ވެހިކަލެއް ގައެވެ. އެވަނީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ. ކޯޓަށް ވައްދާ އިރުވެސް ތިންބޭފުޅުން އެތަކެތި އުފުލުމު ގައި އުނދަގު ހާލުގައި އުޅުއްވާތަން ފެނެއެވެ.


ފައިލްތަކުގައި ނަންބަރު ތަރުތީބުން ޖަހައި ކޭސް ނަންބަރަކަށް ޖަހާފައި ހުއްޓާ ފެންނަނީ، ބޯޑަރ ކޮންޓްރޯލް ކޭސް، 2858/2011 އެވެ. ދިވެހި ބަހުން ކޮންމެފައިލެއް ގައި މިގޮތަށް ޖަހާފައި އޮވެއެވެ. މި މައްސަލައާ ގުޅިގެން އަޅުގަނޑަށް ހަމްދަރުދީ ވާތީއޭ ކިޔާފައި އެކުށުގެ ތުހުމަތުގައި އޭސީސީން ކަނޑާލި މުވައްޒަފުން އެބަތިއްބެވެ. އެއިން އެކަކީ ޑިގްރީއެއް އޮންނަ އެކްސްޕާޓް ލޮޔަރެކެވެ. އުސްތާޒެކެވެ!


އާދެ! އަޅުގަނޑު ގަބޫލުކުރަނީ ހެއްކެއް ގަރީނާއެއް ސީދާ އަޅުގަނޑުގެ މައްޗަށް ފެންނަން ނެތުމުން، ޒަމާނަށް ދެމިގެންދާ ގޮތަށް އަޅުގަނޑު ރަށުބަންދު ގައި ބަހައްޓާފައި ހުންނަނީ ކަމަށެވެ. ހެކިހުރިނަމަ ހުކުމްކޮށްފައި ޖަލަށް ލާންވީނޫން ތޯއެވެ. އެންމެދިގު ވެގެންވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން ގެނެވޭނީ، ތިންއަހަރުގެ ޖަލުހުކުމެކެވެ. މިހެން ބަހައްޓާތާ މިހާރު ފަސްއަހަރަށް ވުރެ ގިނަ ވީއެވެ. ފަހެ، މިހާރު މިނިވަންވެގެން ނުކުމެވޭހާ ދުވަސް މިއަނިޔާގައި މިގޮތަށް އަނބިދަރިންނައި ވަކިން ބަހައްޓާފައި ހުންނަތާ ވެއްޖެއެވެ.


މިހާރަކަށް އައިސް ވިސްނުން މިގެންގުޅެނީ ކޯޓުން ހިފާއްޓާފައި އޮތް ޕާސްޕޯޓު ކޮންމެވެސް ނުސީދާ ވަސީލަތެއް މާއްދީގޮތުން ބޭނުން ހިފައިގެން ކަހަލަގޮތަކަށް ކޯޓުން ދޫކޮށްލެވޭތޯ ބަލާށެއެވެ. ލަސްވެގެން، 2017 ގައި ނިއޫޒިލޭންޑަށް އާއިލާގާރަށް ފުރަންބޭނުން ވާތީއެވެ. މިހާރު ވަނީ އަންހެނުންނާއި ދެދަރީންނަށް ނުއޫޒިލޭންޑު ސަރުކާރުން ސިޔާސީހިމާޔަތް ދީފައެވެ. ވީމާ އަހުރެންނަށް ވެސް ހިމާޔަތް ލިބޭނެތީއެވެ!


އަޅުގަނޑަށް ބެލެވިފައި އޮންނަނީ، މުޅި މި ކަމަކީ، ސިޔާސީ ނުފޫޒެއްގެ ދަށުން، ސިޔާސީ ގޮތުން ހިންގަމުން ގެންދާ ބޮޑު ޖަރީމާއެއް ގޮތުގައެވެ. ހިމޭން ހަނގުރާމަ އެއް ގޮތުގައި ކުރަމުން ގެންދާ ނަފްސާނީ ބޮޑުއަނިޔާއެއް ކަމުގައެވެ. ހަގީގަތުގައި ވެސް އިންސާނީ ހައްގުތަކާއި އިންސާނާގެ ކަރާމަތާ މުޅިން ޚިލާފަށް ދެވޭ އަޒާބެކެވެ. ގަސްތުގައި ބަޔަކު ދައްކާ އަނިޔާއެކެވެ. އިންސާފެއް ނުދީ އެއްވެސް އިންސާނަކު ވަކިކަމެއްގެ ތުހުމަތުގައި ތާށިކޮށްފައި ބެހެއްޓުމަކީ، ބައިނަލް އަގުވާމީ ގޮތުން ބޮޑު ކުށެކެވެ. ޖަރީމާއެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ވެސް ކުށެކެވެ.


ފަހެ، އަޅުގަނޑުގެ ދައުވާ ނިމުމުގެ ކުރިން، މިހާރު ސިންގަޕޫރުގެ އާބިޓަރޭޝަން ކޯޓުގައި ހިންގަމުން ގެންދާ، ނެކްސްބިސް ކުންފުނީގެ ބަދަލު ނަގައި ދިނުމުގެ އާބިޓަރޭޝަން މައްސަލައިގެ ހުކުމް، ޖީއެމްއާރު މައްސަލަ އެކޯޓުގައި ނިމިގެންދިޔަ ބީދައިން ނިމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ޝައްކެއްނެތް ގޮތުގައި މިއީ ބޮޑެތި ދޮގުންނާއި ހީލަތުން ފުރިގެންވާ އެލިގޭޝަނެކެވެ. ތުހުމަތެކެވެ. ފްރޯޑް ކޭހެކެވެ. އަސްލެއް ނުވާ، ފެބްރިކޭޓް ކޮށްފައިވާ ކޭހެކެވެ. ބޮޑު އޮޅުވާލުކެވެ. ސިޔާސީގޮތުން އުފައްދާފައިވާ ކޭހެކެވެ.


ގައުމީއިއްތިހާދުޕާޓީ (ޖީއައިޕީ) އުވާލުން:


އަދި، ދަންނާށެވެ! މިކޭހައި ގައުމީ އިއްތިހާދު ޕާޓީ އުވާލުމާ މެދު، އެއްވެސް ކަހަލަ ސީޔާސީ ގުޅުމެއް، އަދި ޒާތީގުޅުމެއް ވެސް ނެތެވެ. ސާފުކޮށް މިހާރު ފާޅުވެ ހެއްކާ އެކު އެނގިފައިވާ ހަގީގަތަކީ، ގައުމީ އިއްތިހާދު ޕާޓީގައި ފަހަކަށް އައިސް ޕާޓީގެ ހިންގާކޮމެޓީއަށް ދާންދެން ތިބީ، އެހެން ފިކުރު ތަކުން ފަންޑުދީގެން ގެންގުޅުނު، އަދި މުޅިން އެހެން ޓާސްކެއްދީފައި ފޮނުވާފައި ތިބި، ހިމޭން އެޖެންޓުން ތަކެއް ކަމެވެ. މިހާރު އެއީ ސާބިތުވެފައި ވާކަމެކެވެ.


ޕީއޭއިން ރަސްމީކޮށް ފޮނުވާފައި ތިބި މީހުން ގިނައިން ތިއްބެވެ. ރައީސް ވަހީދުގެ ސަރުކާރު ތެރޭގައި ނުފޫޒު ގަދަކޮށް ވަކި ހިއްޕާލާފައި ތިބީ، ގިނައިން ޕީއޭފިކުރުގެ ހިމޭން އެޖެންޓުން ނެވެ. އެމީހުންގެ ސިޔާސީ ރޭވުންތައް ވަރަށް ސްޓްރެޓެޖިކް ވެފައި އެހާމެ މޮޅެވެ. ރައީސް ވަހީދުގެ ސަރުކާރު، ރޭވި ރޭވުންތަކާ އެއްގޮތަށް ހަލާކުކޮށް ސުންނާފަތިކޮށް ލިއެވެ. ރައީސް ވަހީދުގެ ރިޔާސީ ކެންޕޭން ފުނޑާލިއެވެ. ރައިސް ވަހީދާއި ރައިސް ނަޝީދު އަބަދުވެސް އެކުވިޔަ ނުދީ ޖެއްސުވިއެވެ.


ރައީސްވަހީދުގެ ކެންޕޭން މެޓީލިއަލްސް ކެމްޕޭނު އޮފީހުން އެކިނަންނަމުގައި އަތުލައިގެން ގެންގޮސް ކަނޑަށް އުކާލާ ހެދިއެވެ. ބައެއް ރަށްރަށުގެ ބަނދަރު މަތީގައި ހަވާލުވާނެ ފަރާތެއް ނެތި ދޫކޮށްލެވިފައި ހުއްޓެވެ. އެއީ އާދޭސްކޮށްގެން ނާލުދީފައި ފޮނުވައި ދިނީމާ ހަވާލުވާން ނުދިޔުމުންނެވެ. މިހުރި އެކަންކަން ރޭވިފައި ހުރި މިންވަރެވެ.


މިކަހަލަ އެތައް ކަމެއް ޕީއޭ ފިކުރުގެ އިސްމީހުން އެހެން ސިޔާސީ ލީޑަރުންނާ އެކު ގުޅިގެން، އެތައް ސިޔާސީ ދުއްޕާނެއް ރައީސް ވަހީދަށް ކުރިއެވެ. ވަހީދުގެ ރިޔާސީ ކެންޕޭން އޮފީހުން ހެސްކިޔާ އޮޅުވާލައިގެން ބޮޑެތި އަދަދުގެ ފައިސާނަގައިގެން އަތޮޅު ތެރެއަށް ނުގޮސް ހަދާފައި ވެއެވެ. ފުރަތަމަ ފަހަރު ބާތިލުކުރި ނަތީގައި، 5% އަށް ވައްޓަލުމަކީ ވެސް މިފަރާތްތައް ގުޅިގެން އަޑިން ރޭވުނު ކަމެކެވެ.


އާދެ! ރައީސް ވަހީދަކީ، ސިޔާސީގޮތުން އެފަދަ މީހުންނަށް ހުރި ބޮޑުބިރެއްކަމާއި ނުރައްކަލެއްކަމާއި ހުރަހެއްކަމަށް އެމީހުން މާކުރިން ފެށިގެން ދެކެފައި ވާތީ، ވަރަށް ދުރާލައި ގެންދިޔައީ ސިޔާސީ ގޮތުން ހުރަސްތައް ކުރިމަތި ކުރުވުމުގެ ބޮޑެތި ފިއްތުންތައް ފިއްތާއި ދަތިކުރުމުގެ އެކިއެކި ފިޔަވަޅުތައް އެކިގޮތްގޮތުން ރާވައިގެން އަޅަމުންނެވެ. އެއްރޭ ދަންވަރު އޭނާ ދިރިއުޅުއްވި އަމިއްލަގެ މައްޗަންގޯޅި ޔުރިކާ އަށް ސިފައިނާއި ފުލުހުން ވައްދަން ރޭވިއެވެ.


އާދެ! އެފަދަ ނުލަފާ ރޭވުންތަކުގެ ޝިކާރައަކަށް އެންމެ ކުރީކޮޅުގައި އަމާޒުވެގެން ދިޔަ ސިޔާސީ މީހުން ތެރޭގައި އެންމެ އިސްކޮށް ޓާގެޓްކުރެވިފައި ހުރީ، އޭނާގެ ޅިޔަނަކަށް ވާތީވެ، ސީދާ އަޅުގަނޑެވެ. ސިޔާސީ ގޮތުން އަޅުގަނޑުގެ ވަރަ (ފިޔަގަނޑު) ބިންދާ ލުމަކީ، ރައީސް ވަހީދަށް އެޅޭ ހުރަހެއް ކަމުގައި އެފަދަ ބިރު ހީވާ މީހުންނަށް އޮތީ ހިތުގެއަޑިން ގަބޫލު ކުރެވިފައެވެ. އަޅުގަނޑަށް ދިމާވާ ސިޔާސީ ހުރަސް ތަކަކީ، އެގޮތުން ރާވައިގެން އެފަދަ މީހުން އަޑީގައި ތިބެގެން އަޅަމުން ގެންދާ ސިޔާސީ ފިޔަވަޅު ތަކެވެ. ހުރަސްތަކެކެވެ. ގޯނާތަކެވެ. ސީދާ އަނިޔާއެވެ.


ފަހެ، ގައުމީ އިއްތިހާދު ޕާޓީ އުވާލަން ނިންމީ، އެޕާޓީގެ ހިންގާކޮމްޓީގެ ބައްދަލު ވުމެއްގައި ނެގި އިއްތިފާގުވި ވޯޓަކުންނެވެ. އަޅުގަނޑު ވެސް ވޯޓުދިނީ ރަސްމީކޮށް ގާނޫނީ ހަމަތަކުގެ މަތީން ޕާޓީ އުވާލާށެވެ. އެއަށްފަހު، ޕީޕީއެމާ ގުޅޭށެވެ. އަޅުގަނޑަށް ގަބޫލުކުރެވި އޭރު ވިސްނިފައި އޮތީ، އަދި ޕީޕީއެމްގެ ވެރިންނާއި ވާކަތައް ދެކެވި ލިޔުމުން އެއްބަސް ވުމަކަށް އާދެވިފައި އޮތީ، ވެސް ޕީޕީއެމުން ރައީސް ޔާމީން އުފައްދަވާ އާ ސަރުކާރުން ސަރުކާރުގެ ބައެއްމަތީ ސިޔާސީ މަގާމުތަކަށް ގައުމީ އިއްތިހާދު ޕާޓީން ފޮނުވިނަން ތަކަށް ވަޒީފާތައް ހަމަޖައްސައިދޭނެ ކަމަށެވެ.


އަދި އެކަމަށް ތައްޔާރު ކުރެވުނު ލިސްޓުގެ އެންމެ ކުރީގައި އަޅުގަނޑު ގެނަން އެއްވަނައަށް އޮތެވެ. ފަހެ، އެލިސްޓުވެސް ޕާޓީގެ އެބައްދަލު ވުމުގައި ގެންގުޅުނެވެ. އެހެންވުމާ އެކު، އަޅުގަނޑަށް މުޅިންހެން ވިސްނި ގަބޫލު ކުރެވިފައި އޮތީ، އަޅުގަނޑު ހުރި މަގާމު އަނެއްކާ ވެސް ޕީޕީއެމް ސަފރުކާރުގައި ދެމިގެންދާނެ ކަމަށެވެ. ރައީސް ޔާމީނު އެގޮތަށް ހަމަޖައްސަވާނެ ކަމަށެވެ!


ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވޭތިޔަވެދިޔަ، އޮނަވިހި، ވިހި ވަރަކަށް އަހަރު ދެމިހުރިގޮތަށް އެޚިދުމަތް ދިނުން މަތީގައި އަދިވެސް ކުރިޔަށް އިތުރަށް ދެމިގެން ދާނެ ކަމަށެވެ. އެއްގޮތަކަށް ވެސް ރައީސް ޔާމީނަކީ، މިހާޒާތީ އަދި ޒިއްދީ ހަސަދަލައިގެން މީހަކާ މެދު މުޅިއުމުރަށް ހުންނަވާނެ ވައްތަރުގެ ގޮތްދޫނުކުރާ ހަރުކަށި ޝަޚުސިއްޔަތެއް ކަމަކަށް ގަބޫލު ކުރެވިފައެއް ނެތެވެ.


އާދެ! އަޅުގަނޑަށް އެފަދަ ގޮތްތައް ހަދަމުން ގެންދެވިޔަސް ރައީސް ވަހީދަށް އޭނާގެ ފުށުން ފުރިހަމަ އިހްތިރާމް ދޭނެކަމަށް ސައްތައިން ސައްތައަށް އަޅުގަނޑަށް އޭރު ހުރެވުނީ ހިތުގެ އަޑިންގަބޫލު ކުރެވިގެންނެވެ. އެކުން އެކަން އެހެންވީ، ރައީސް ވަހީދުގެ ވެރިކަން ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހޭ ގިނަކަންކަން ކުރުމަށް ކެރި ވަޑައިނުގަނެ ދޫދެއްވައި ޔާމީނުގެ ސިޔާސަތަށް ގިނަޖާގަތައް ދެއްވާފައި އޮތީމައެވެ.


އާދެ! އެރޭގެ ގައުމީ އިއްތިހާދު ޕާޓީގެ ހިންގާކޮމެޓީގެ ވޯޓު ނިމުނުފަހުން ދެގަޑިއެއްހާ އިރުފަހުން، ޕާޓީތެރޭގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އިސްބޭފުޅެއްގެ ފަރާތުން ގުޅާފައި އިލްޔާސް އެކަނި ނަމަވެސް ސޮއިކޮށްފައި ޖީއައިޕީ (ގައުމީއިއްތިހާދުޕާޓީ) އުވާލިޔަ ނުދިމުމަށް އެދި، އިލެކްޝަންސް ކޮމިޝަނުގައި ސިޓީއަކުން ދެންނެވުމަށް ބުނެ އެދުނެވެ.


ފަހެ، އެކަން ކުރުމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުނުވީ، ޕީޕީއެމް ސަރުކާރުން އަޅުގަނޑުގެ ވަޒީފާ އޭރު ހުރިގޮތަށް ދަންމައިދޭނެ ކަމުގެ ގެރެންޓީ ލިބިފައި އޮތުމުންނެވެ. އަދި އެކަން ހިފައިގެން އިލެކްޝަންސް ކޮމިޝަނަށް ހިނގަން ޕާޓީގެ ހިންގާކޮމެޓީގައި ހަމަ އެކަނި އަޅުގަނޑު ހުރީތީއެވެ. ހިންގާކޮމެޓީ ތެރެއިން އިތުރު ތާއީދެއް މިކަމަށް ނާންނާނެކަން ރަނގަޅަށް ސާފުކޮށް އެނގޭތީއެވެ. އެހެނަސް އާންމު މެމްބަރުންގެ ތެރޭގައި ގިނަ ފަރާތްތަކެއް ޕާޓީ އުވާލިޔަ ނުދިނުމަށް ބާރު އަޅައިދިނުމަށް އެދެމުންދިޔަ ތިއްބެވެ. އެބޭފުޅުން އެދެމުން ގެންދިޔައީ ޖީއައިޕީ އުވާނުލާ ވުޖޫގައި ބޭއްވުމަށެވެ.


ފަހުންވެސް ކުރިން ގުޅި ފަރާތުން ދެދުވަހެއްގެ މަތީން ގުޅާފައި އަދި ކޮފީއަކުން ބައްދަލުކޮށް ވެސް އެކަމައިގެން އަޅުގަނޑު އުޅެދިނުމަށް ވަރަށް އެދުނެވެ. ސިޔާސީ ޕާޓީއެއް ދެންއަލުން ހެދޭނެ ފުރުސަތެއް، މިގައުމުގައި ފަސޭހައިން ދެނެއް ނުލިބޭނެ ކަމަށް އޭނާ އަޅުގަނޑަށް ވިސްނައި ދެމުން ވަރަށް ދިގުކޮށް މިވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އަދި ބުނެ ދެއްވިއެވެ. އިލްޔާސަށް ޖެހޭނީ ތިޔަޝަކުވާ ހަމައެކަނި ހުށަހަޅާލަ ދޭށެވެ.


އޭރުން، އޭނާ ހުރިހާކަމެއް ކުރިޔަށް ގެންދާނެ ވާހަކަ ވެސް ތަކުރާރުކޮށް ހާމަ ކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުގެ އިއްތިފާގު ޖީއައިޕީ އުވާނުލާ ބޭއްވުމަށް ލިބޭނެ ވާހަކަ ވެސް އޭނާ ބުނެ ދެއްވިއެވެ. އޭނާ އޭރު ގެންދެވީ އިލެކްޝަންސް އާ ވާހަކަ ދައްކަވަމުންނެވެ. އަދި މީގެއިތުރަށް ކޯޓު މަރުހަލާއަށް ދިޔައަސް އޮންނާނީ ހުރިހާކަމެއް ހަމަޖެހިފައޭ އޯކޭ ވާނެއޭ ބުނެ ދެއްވަމުން ގެންދެވިއެވެ. ޖީއައިޕީ ދަމަހައްޓައި ދޭށޭ ކިޔާފައި މިބޭފުޅާ އަޅުގަނޑަށް ދުވަސްގަނޑެއް ވަންދެން ޕްރެޝަރު ކުރިއެވެ. އެހެނަސް އަޅުގަނޑު އެފަދަ ސިޓީއެއްގައި ސޮއިކުރާ ހިތެއް އެއް ގޮތަކަށް ވެސް ނުޖެއްސެވި އެވެ. ބޮޑަށް ވީ ޕީޕީއެމްގައި ހުންނަ ހިތެވެ!


ފަހެ، މިއިންކަމެއް ނުހިނގާ އެއްވެސް ހުރަހެއް ނެތި، ރީތިކޮށް އޮމާންކަމާ އެކު އިލެކްޝަންސް ކޮމިޝަނުން ދޮޅުމަހެއްހާ ދުވަހު ތެރޭގައި ޖީއައިޕީ އުވާލަދެއްވައި އެކަން ރަސްމީކޮށް އިއުލާނު ކުރެއްވީއެވެ. އެހިސާބުން އަޅުގަނޑު އިސްކޮށްހުރެ އުފެއްދި ޖީއައިޕީ މޫނުއަޅާއި ފަސްއަޅައި ވަޅުލާ ނިމުނީއެވެ. އަޅުގަނޑުގެ ވިންދާއި ލެއާއި ހިތާއި ސިކުނޑިއާއި ޖާނުން ފިދާވެގެން އުފެއްދި ފުރަތަމަ ސިޔަސީ ޕާޓީ، އެމްޑީޕީ އަދިވެސް ސިޔާސީގޮތުން އަމަލީ މައިދާނުގައި ދެމި އޮތީތީ މިއަދުވެސް، އަދި އަބަދުވެސް އުފާވާނެއެވެ.


އެއީ އަޅުގަނޑުގެ ޖާނު ދެވުނު، އަދި ބޮޑު ހިއްސާއެއް ދެވުނު ފުރަތަމަ ސިޔާސީ ޕާޓީއަށް ވީތީއެވެ. އެކަމާ އަބަދުވެސް ފަޚުރުވެރި ވާނަމެވެ. އަދި އެޕާޓީ އުފެއްދުނު ހަގީގީ ފިކުރަށް ރުޖޫއަވާތަން ފެންނަ ދުވަހަކުން ކިތަންމެ ދުވަސްވެފައި ހުއްޓަސް އަމަލީ ގޮތުން ވެސް އަލުން އެހަރަކާތަށް ނުނިކުމެއެއް ނުހުރެވޭނެ ކަންޔަގީނެވެ.


ފަހެ، ދަންނާށެވެ! ވީމާ އަޅުގަނޑުގެ ދެވަނަ ސިޔާސީ ޕާޓީ ގައުމީ އިއްތިހާދު އުވާލުމާއި ކޯޓުގައި އޮތް، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ކޭސްއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއްނެތެވެ. އަދި ޕާޓީގެ ފަރާތުން އެކަމުގައި އެހީއެއް ހޯދުމުގެ އެއްވެސް ފިކުރެއް ޚިޔާލެއް ކުޑަކޮށް ވެސް އެއްވެސް އިރެއްގައި ކުރެވިފައެއް ނުވެއެވެ. އެޕާޓީން އެހީއެއް ހޯދާނީ ކިހިނެއްތޯއެވެ! ރައީސް ވަހީދު ސަރުކާރުން އެކަމާ ވަނީ، ރައީސް ނަޝީދު އަޅާލެއްވި ވަރުވެސް ނުކޮށް ދެއްވާފައެވެ. ރައީސް ވަހީދު ވެސް އަޅުގަނޑު އިމިގްރޭޝަނުން ހުތުރުކޮށް ބޭރުކޮށްލީ ނޫންތޯއެވެ!


އެއީ އެއްވެސް އިރެއްގައި އެއްވެސް މިންވަކަށް ހިތަށް ކުޑަކޮށް ނަމަވެސް އައި ކަމެއް ވެސް ނޫނެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުން ވެސް އަޅުގަނޑުގެ ހައްގުގައި އެންމެ ކުޑަމިނުން އެޕްރޮޖެކްޓަށް ތާއީދުކޮށް، އަކުރެއް ވެސް އަޅައެއް ނުލައެވެ. އަދި އީޖާބީ ބަހެއްވެސް ބުނެލާފައެއް ނެތެވެ. އޭގެ ބަދަލުގައި ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނިފައި ހުރީ މުޅިންވެސް އަޅުގަނޑަށާއި އަޅުގަނޑުގެ ކޭސް ވަރުގަދަ ކުރުމަށް ކޮށްފައިވާ ކަންކަމެވެ. އެކަން ރާވަންތިބި ބަޔަކު ރާވާ ހަމަތަކުގެ މަތީން، ރައީސް ޔާމީނު އެދިވަޑައި ގަންނަވަމުމުން، ވަޑައިގެންނެވި ހުރިހާ ގޮތަކަށް ބަރާބަރަށް ހުރިހާކަމެއް ރައީސް ވަހީދުގެ ސަރުކާރު ތެރެއިން ދަމަހައްޓައި ދިންތަން ހާމަކޮށް ފެނުނެވެ. އެ މައްސަލަ ރައީސް އޮފީހުގެ ޕޮލިސީ ސެކްށަނުގައި ވަޅުޖައްސާލާފައި ބުރެކީގައި ބޭއްވީއެވެ!


ފަހެ، ރައީސް ޔާމީނު މިކަން ގެންގުޅުއްވީ، ޖީއެމްއާރު މައްސަލަ ސިޔާސީގޮތުން ގެންގުޅުއްވި ގޮތަށް އެކަމައި އެއް ފެންވަރުގައި އެއް ހަމައެއްގައެވެ. ޖީއެމްއާރުގެ ވާހަކަދެއްކެވި ކޮންމެތާކު ކޮންމެ ފަހަރަކު ނެކްސްބިސްގެ ވާހަކަ އެވާހަކައާ ވިއްދައިގެން ގެންނަވާފައި ވެއެވެ.


ޖީއެމްއާރު ބޭރުކުރުމުގެ ސިޔާސީއެއްވުމުގައި ބޯޑަރކޮންޓުރޯލްގެ ވާހަކަދެއްކެވި ޝާމިޚުއަށް ދެވުނު ހަމަލާ:


އަދި ގައުމަށްޓަކާއި ދީނަށްޓަކައި އެއްވި އެއްވުންތަކުގައި އެއްރެއަކު ދިވެހި ސަގާފަތަށް ޚިދުމަތްކުރައްވާ ބޭފުޅެއް ކަމުގައިވާ ޝާމިޚް (މިނަންކިޔާ ބޭފުޅެއް) ނެކްސްބިސް ޕްރޮޖެކްޓުގެ ބޭނުންތެރިކަން ފާހަގަކޮށް ދެތިންޖުމްލަ އޭނާގެ ވާހަކާގައި ގެނެސްގެން އެރޭގެޖަލްސާ ނިންމާފައި އޭނާ ގެއަށްދިޔަ މަގުމަތީގައި ގޮތްނޭނގޭ ބަޔަކު އައިސް އޭނާ ގައިގާ ތަޅައިގަނެ އަނިޔާކުރިއެވެ. އަދި އެތައް އިންޒާރުތަކެއް ޝާމިޚަށް ދިނެވެ. ޕޮލިހުންނަށް ވަނީ، އަދިއަދަށް ވެސް އެބަޔަކު ނުހޯދިފައެވެ.


ޖީއެމްއާރު ރާއްޖެއިން ބޭރުކުރި ފަދައިން މިކަމުގައި ކުރީގެއެމްޕީ ނާޒިމް ޖަނގިޔާ ލައްވައި ވަރަށްބޮޑަށް އެކިގޮތްގޮތުން ސިޔާސީ ކުޅިތައް ކުޅުވިއެވެ. ސިޔާސީ ކުލަތައް އިންތިހާއަށް ޖެއްސުވިއެވެ. މި ހުރިހާކަމެއް ހިންގަމުންދިޔައީ ސިޔާސީ ބޭނުމެއްގައި ސިޔާސީ އެދުންތަކެއް ހާސިލް ކުރުމަށެވެ. ޕްރޮޖެކްޓުގެ ފައިދާއަށް ވިސްނާލެއްވި މީހެއް އޭގެތެރެ އަކު ނެތެވެ.


ރައީސްވަހީދު ސަރުކާރުތެރޭގައި ވެސް އެކަން ދިރާސާ ކޮށްލަން ކެރޭވަރުގެ ހަކަތައެއް ނެތުނީއެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނުގެ ވެރިޔާގެ މޭޒުމަތީގައި އެމައްސަލަ އޮތްގޮތަށް އޮތީއެވެ. ދެތިން ފަހަރެއްގެ މަތީން ރައީސް ވަހީދުގެ އަރިހަށް އެމައްސަލައައިގެން އެސެކަޝަނުގެ ވެރިޔާ ދިއުމުން ރައީސް ވަހީދު އޭނާގާތުގައި ވިދާޅުވަނީ އަދި އިހަށް ބާއްވާލާށެވެ. މިއީ ރައީސް ވަހީދު ވެސް ކަންކުރެއްވި ގޮތެވެ. އަޅުގަނޑަށް މިވާހަކަ ކިޔައިދިނީ ސީދާ އެސެކްޝަނާ އޭރު ހަވާލުވެގެން ހުންނެވި ވެރިޔާގެ އަމިއްލަ ދުލުންނެވެ.


ފަހެ، ރައީސް ނަޝީދުގެ ސަރުކާރުގެ ކެބިނެޓުން ދެފަހަރަކު އެޕްރޮޖެކްޓަށް ތާއީދުކޮށް ވާހަކަ ދެއްކެވިއެވެ. އަދި ރައީސް އޮފީހުން ބަޔާންވެސް ތާއީދުކޮށް ނެރެދެއްވިއެވެ. އެހެނަސް ރައީސް ވަހީދުގެ ސަރުކާރުން އެފަދަ އެއްވެސް ކަމެއްނުކޮށް ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަން ހިންގެވި ވެރީންގެ މޭޒުމަތީގައި އެމައްސަލަ އޮތްގޮތަށް ވަޅުޖައްސާފައި އޮވެ، އެނބުރެމުން ދިޔަތަން އަޅުގަނޑު ވަރަށް ކައިރިން ދުށީމެވެ. ކޮންމެ ދުވަހަކު ޚަބަރު ބަލަމުން ދިޔައިމެވެ. އެމުއްދަތުގައި ޕޮލިސީ ސެކްޝަނުގައި ތިއްބެވީ އަޅުގަނޑުގެ ދެއަތްކަހަލަ ގާތް ދެބޭފުޅުންނެވެ.


އެކަކީ ސައޫދީ އެރެބިއާ ގައި ގިނަދުވަސް ތަކެއް އެކުގައި ކިޔަވަން އުޅުނު ޑޮކްޓަރ އިސްމާއީލް ޝަރީފެވެ. އަނެކަކީ އަބަދުވެސް އަޅުގަނޑާ އެކު މަގުމަތީން ފެންނަ ކޮފީއާއިސައި މޭޒުގެ އެކުވެރިޔާ، ރަހުމަތްތެރި ޓޯޕީ އެވެ. މިދެ މީހުންވެސް މިކަމުގައި އަޅައެއް ނުލެއްވުނެވެ. ރައީސް ވަހީދު އިހަށް ބާއްވާލުމަށް ވިދާޅުވަމުން ގެންދާތީއެވެ. ޓޯޕީ ގިނައިން މިކަމާ ކުރެއްވީ މަޖަލާއި މަލާމާތެވެ. ޑޮކްޓަރ އިސްމާއީލް ދޭތެރެ ދޭތެރެއިން ރައީސް އަރިހަށް ގެންދާކަމަށް ބަރާބަރަށް އަޅުގަނޑަށް ޚަބަރު ދެއްވައެވެ. އެހެނަސް ރައީސް ވަހީދު އަޅާނުލައް ވަނީއެވެ. ރައީސް އޮފީހުގެ ސިއްރު މީޓިންތަކުގައި އެހެން އަރިސް ބޭކަލުން ޑޮކްޓަރަށް ތާއީދެއް ދެއްވުމުގެ ބަދަލުގައި ބައެއް ދުވަސްދުވަހު މިވާހަކަ ދެކެވެމުންދާ ހިނދު މަލާމަތް ކުރައްވާ ކަމަށް ވެސް ވެއެވެ.


ފަހެ، މިއިން ކަމެއްކޮށް ނުދިންތާގައި އަޅުގަނޑުގެ ކޭހަށް އިތުރުރަށް ބާރުލިބޭގޮތަށް އަޅުގަނޑާ މެދު، އެ ސަރުކާރުން ފިޔަވަޅު އަޅާވެސް ހެދީއެވެ. މަތީ ފެންވަރުގައި އުޅުނު ދަގަނޑު އަންހެނާ އާޒިމާ އަކާއި ގޮތްނޭނގޭ މަތިހަށި ދެއްކެވި ޑޮކްޓަރު ޖަމީލެއް އެކަން ކުރުމުގައި ހަބޭސްކޮށް އުޅުނެވެ. މިއިން މީހަކު މިކަމުގެ ފަސޭހައާއި ހަގީގަތް ދެނެ ގަންނާކަށް ނޫޅުނެވެ.


ޖީއެމްއާރު ގޯސްވި ހިސާބުން މި މަޝްރޫއު ވެސް ގޯސްކޮށްލީއެވެ. ފަހެ، އަމިއްލަ އެދުމުގެ ސިޔާސީ ބާރެއްގެ ބޭނުމުގެ ދަށުން، އިމިގްރޭޝަނުން އަޅުގަނޑުގެ ނުރުހުމުގައި ބޭރުކުރި ކުރުމަކީ، އޭގެ އެންމެ ވަރުގަދަ ދަލީލެވެ. ކުލަގަދަ ހެއްކެވެ. އަނެއްކާ ރައިސް ވަހީދުގެ ސަރުކާރު ގައި ވެސް ސިޔާސީ ގޮތުން ކަތިލެވުނީ ސިދާ އަޅުގަނޑެވެ. އަބަދުވެސް ކަތިލެވޭ ކަންބަޅިއަށް މި ވެދަނީ އަޅުގަނޑެވެ.


މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތައް ވަރުގަދަ ކުރުމަށް ސިޔާސީ ގޮތުން އިސްކޮށް ތިބި މީހުންގެ ނުފޫޒާއި ބާރުން އެސަރުކާރު ތެރެއިން ވެސް ހިންގުނު ނަހަމަ ކަމެއް ކަމެކެވެ. ހިންގި ޖަރީމާ އެކެވެ. ރައީސް އޮފީހުން ރިޕޯޓެއް ހައްދަވައި އެކަން ބެލިނަމަ މިގޮތަށް ބުނާނެ ޖާގައެއް ނޯތީހެވެ. ކަންމިހެންވީ ހިނދު ބަލަން ޖެހެނީ، ހިނގަމުން މިދާ ހިމޭން ހަނގުރާމަ އަށް ވަހީދު ސަރުކާރުން ވެދެވުނީ މަދަދެއް ކަމުގައެވެ. މިކަން ވެގެން މިދިޔައީ ނަޝީދުގު ސަރުކާރުންނާއި ވަހީދު ސަރުކާރުން ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް ކޮށްދިން ސިޔާސީއެހީތެރި ކަމަކަށެވެ. އަދި ސިޔާސީ ގޮތުން ވާގިދިނުމަކަށެވެ.


ފަހެ، އޭގެ އަނެއްކޮޅަށް އީޖާބީކޮށް ވިސްނަންޏާ އަޅުގަނޑު ދެކޭގޮތުގައި ރައީސްއޮފީހުން އެންމެ ސިޓީއެއް ބޭރުކޮށްލި ނަމަވެސް އެކަން ފިނިވެ މުޅި މައްސަލަ ހުލިވެ ނިވިގެން ދިޔައިހެވެ. ޓީމެއް ފޮނުއްވައި އަޅުގަނޑައި އިމިގްރޭޝަނާއި އަޅުގަނޑު ޖަވާބުދާރީކޮށް، ތަހްގީގީ ރިޕޯޓެއް ހެއްދެވި ނަމަ އެންމެކުޑަ މިނުން ހަގީގަތް ރައްޔިތުންނަށް ސާފުވީހެވެ. އަދި ބަދަލުގެ މަރްހަލާގައި ބޮޑު ކާމިޔާބަކަށް ވެސް ވީހެވެ.


އެހެނަސް ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ އޮއިވަރަށް ހެއްލި އިމިގްރޭޝަނުން އަޅުގަނޑު އެއްވެސް ސަބަބެއް ނުދައްކައި ސުވާލު ކުރުމެއް، ޖަވާބުދާރީ ކުރުމެއް ނެތި ބޭރުކޮށްލީ އެވެ. އެމީހުން ރޭވިގޮތަށް ކާމިޔާބާއި ސިޔާސީ ފައިދާ އޮބިނެތް މިންވަރަށް ލިބިގެން ދިޔައީ ރައީސް ޔާމީނަށެވެ.


މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިގްރޫޕް އެކުގައި އިދިލޮޅަށް ނުކުތަސް ރައީސް ޔާމީނު ކުރިމަގު ހޯއްދަވާއި ދެމިގަނެ ސަލާމަތް ވާނެއެވެ. އޭރު އެދުވަސްވަރު ބޮލަށާއި ސިކުނޑީގެ އެންމެ އަޑިއަށް ހިތުތެރެއަށް ދާންދެން ވަދެވުނު އިރު، މިހާރު މި ރައީސުންތައް އެކުގައި ދިރުވާލާނެ ކަން ކަށަވަރެވެ. އެހާ ބޮޑަށް އެބޭފުޅާގެ ސިކުނޑީގައި ތެތްކަން އެބަހުއްޓެވެ! ބަލަން ތިބެމާ ހިންގަވާށެވެ! އެދުވަސް އަންނާނެއެވެ! ކައިރިން ފެންނާނެއެވެ!


އަޅުގަނޑުގެ ވިސްނުމަކީ މުޅިން އާމީހުން އާ ހިކުމަތުއަމަލީ އެއްގެ ދަށުން ސިޔާސީ މަސްރަހަށް ނުކުތުމެވެ. އާ ޒުވާނުން ނެރުމެވެ!  ސިޔާސީ މައިދާނުގައި އިތުރު ދިރާސާތައް ލިޔުންތެރީން ނާއި މުފައްކިރުން ހަދާއި އާންމު ކުރުމެވެ! ލިޔަމުން ގެންދިއުމެވެ! އަހުރެންނަށް ވީވަރަކުން ލިޔާނަމެވެ. އޭރުން ޒުވާނުން ސިޔާސީކަންކަމުގައި ޝައުގުވެރި ވާނެއެވެ!


ފަހެ، މިކަންކަމާހެދި ތިންހަފްތާ ވަންދެން އަޅުގަނޑު ބަދަލުކުރި މިނިސްޓްރީ އޮފް ޑިފެންސަށް ވަޒީފާއަށް ނުނިކުމެ، ޗުއްޓީގެ ބަހަނާގައި ކުއްލި އިހުތިޖާޖެއް ގައި ހުރީމެވެ. އަދި އޭރުގެ ރިޔާސީ ގަނޑުވަރު ހިލާލީގެއަށް ނުވަދެ، އެއިހުތިޖާޖުގެ ދަށުން، ހަމަ އެހާ ދުވަހު ހުރީމެވެ. އަދި އަޅުގަނޑުގެ މަތިމަހުން އިސްތަށި ނުކޮށާއި ނުބާލަން ދޫކޮށްލާފައި މިހުރީވެސް އެކަމުގެ ދިގު ދެމިގެންދާނެ އިހުތިޖާޖެއްގައި އަމިއްލަ ނަފްސުންކުރެވޭ އިހުތިޖާޖެއް ކުރުމުގެ ބޭނުމުގައެވެ.


މަތިމަސް ނުކޮށާ އިހުތުޖާޖުގައި ދޫކޮށްލާފައި ހުރިގެ ފޮޓޯއެއް
މަތިމަސް ނުކޮށާ އިހުތުޖާޖުގައި ދޫކޮށްލާފައި ހުރިގެ ފޮޓޯއެއް

އަދިވެސް އެކޭސް ނުނިމޭތީ އިހުތިޖާޖު ކުރިޔަށް ދެންމުމުގެ ގޮތުން އަޅުގަނޑުގެ މަތިމަސް ދަނީ ހެސް ކިޔާފަ ދިގުވަމުންނެވެ. ކޮށުމަށް ނުވަތަ ބޭލުމަށް ނިޔަތްގަނެފައި އޮތީ، މިދިގު ތުހުމަތުގެ އެލިގޭޝަންތައް ނިމި، ޚަލާސްވި ދުވަހަކުންނެވެ. މުޅިން މިނިވަންވީ ދުވަހަކުންނެވެ. ނުވަތަ ލޯބިލޯބި ދެދަރީންނާއި ލޯބިވާ އަންހެނުންނައި ބައްދަލު ވެވޭނެ ދަވަހަކުން މި އިހުތިޖާޖު ހުއްޓާލުމަށެވެ! 2011 ވަނަ އަހަރުން ފެށިގެން އަޅުގަނޑުގެ އާއިލާ (ދެކުދިންނާއި އަންހެނުން) ވަނީ، ދިހެވި ރާއްޖެއިން ބޭރުގައި ހިމާޔަތްދީފައި ތިބި ރެފުޖީންގެ ގޮތުގައި ދިރިއެޅެން ފަށާފައެވެ.


އާއިލާ، 2011 އިން ފެށިގެން ބޭރުގައި ވަޒަންވެރިވެފައިި
އާއިލާ، 2011 އިން ފެށިގެން ބޭރުގައި ވަޒަންވެރިވެފައިި

އާދެ! އެމްޑީޕީ ފިޔަވައި ޕީޕީއެމާ ގުޅެން ނިންމި ސަބަބު މިވަރުންނާއި މުޅިމި އިންޓަރވިއޫ އެކުގައި ވިދާޅުވެ ލެއްވުމުން ރީތިކޮށް ވިސްނި ވަޑައިގަން ނަވާނެއެވެ. އެކަން ސާފުވެގެން ދާނެއެވެ. އެމްޑީޕީ އަލަށް ރަޖިސްޓްރީ ކުރުމަށް ސަރުކާރަށް ހުށަހެޅިއިރު ތިއްބެވި ތިންމަސްއޫލު ވެރިންގެ ތެރެއިން އެކަކަށް ހުރީ އަޅުގަނޑެވެ.


އެމްޑީޕީއުފެއްދި މުއައްސިސުންގެ ސޮއި
އެމްޑީޕީއުފެއްދި މުއައްސިސުންގެ ސޮއި
އެމްޑީޕީ އުފެއްދުމަށް ރަސްމީކޮށް، ހޯމްމިނިސްޓުރީއަށް ހުށަހެޅިތިންސޮއި
އެމްޑީޕީ އުފެއްދުމަށް ރަސްމީކޮށް، ހޯމްމިނިސްޓުރީއަށް ހުށަހެޅިތިންސޮއި

އަދި އެއީ އަޅުގަނޑު މަސްއޫލު ވެރިއެއްގެ ގޮތުގައި އަމަލީގޮތުން ހިއްސާވެ، ބައިވެރިވެގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ވެސް އެންމެ ފުރަތަމަ ސިޔާސީޕާޓީ އެވެ. އެމްޑީޕީއަކީ، އަޅުގަނޑުގެ ފިކުރާއި ޖާނާއި މުދަލާއި ވިންދާއި ލެޔާއި ހިތާއި ސިކުނޑި އެވެ. ހަށިގަނޑުގެ ކާނާއެވެ. އަދިވެސް އެފިކުރު ދެކެ ލޯބިވެއެވެ. އަބަދުވެސް އެލޯބި އޮންނާނެއެވެ. ޖަލުގައި ލިބުނު ހުރިހާ އަނިޔާއެއް ލިބުނީ، އެފިކުރު ދެމަހައްޓާއި ދިވެހި މުޖްތަމައުގައި ބިނާ ކުރުމުގައި އުޅުމުންނެވެ.


އެމްޑީޕީފޯމްތައް ރަސްމީކޮށް ދާޚިލީވުޒާރާއަށް ހުށަހެޅުން
އެމްޑީޕީފޯމްތައް ރަސްމީކޮށް ދާޚިލީވުޒާރާއަށް ހުށަހެޅުން

އެމްޑީޕީގެ ރަސްޖިސްޓުރީ އާ ރަސްމީކޮށް ހަވާލުވުން
އެމްޑީޕީގެ ރަސްޖިސްޓުރީ އާ ރަސްމީކޮށް ހަވާލުވުން
އެމްޑީޕީގެ ރަސްމީރަޖިސްޓަރީ
އެމްޑީޕީގެ ރަސްމީރަޖިސްޓަރީ

އެއީ ފަހެ، ގައުމީ ލޯތްބެވެ! އެކަމެއް ދުވަހަކު ވެސް ހިތުން ނުފިލާނެއެވެ! އެމްޑީޕީ ވުޖޫދަށްގެނައި ތިންތަނބުން އެއްތަނބަކީ، ސިދާ އަޅުގަނޑެވެ! އަޅުގަނޑުގެ ސޮއި ތާއަބަދަށް ދިވެހި ދައުލަތުގެ އަރްޝީފުގައި ދެމި އޮންނާނެއެވެ! އެއީ ދިވެހި ތާރީޚެވެ! ބާޣީއަށް އަދި ވަގަށް މިހާރުގެ ބައެއް މުހައްރިކުން، އެކްޓިވިސްޓުންގެ މަދު ބަޔަކު ގޮވިޔަސް އެނަން ފޮހެއެއް ނުލެވޭނެއެވެ! އަލުން އެދުވަހުގެ ފިކުރަށް ޕާޓީ ރުޖޫއަވާ ދުވަހު، ދުނިޔޭގައި އަޅުގަނޑު ދިރި ހުރިއްޔާ އެޕާޓީ އާއެކު، އަމަލީ މައިދާނުގައި ސިޔާސީ ހަރަކާތުގައި އުޅޭތަން އަނެއްކާ ވެސް ދައްކަވާށިއެވެ! އިންޝާﷲ! ސިޔާސީ ކަންކަމަކީ، ވަރަށް ވޭނާއި އަސަރުހުރި ކަންކަމެވެ!


އެމްޑީޕީގެ ރަސްމީ ތިން މުއައްސިސުން ފޯމްތައް ހުށަހެށި ދުވަހުގެ ހަނދާނުގައި ނެގި ފޮޓޯ
އެމްޑީޕީގެ ރަސްމީ ތިން މުއައްސިސުން ފޯމްތައް ހުށަހެށި ދުވަހުގެ ހަނދާނުގައި ނެގި ފޮޓޯ

 

ސިޔާސީޕާޓީތަކާ ނުލާ ވެރިކަމުގެ ނިޒާމް ހިންގިދާނެތޯ:


ސ، އަށެއް: ނިންމާލަމުން ދަންނަވާނީ، ދިވެހިރާއްޖޭގައި އެންމެ އޮމާންކޮށް، އެންމެ ރަނގަޅުމަގުން ވެރިކަމުގެ ނިޒާމެއް ހިންގޭނީ ސިޔާސީޕާޓީ ތަކައި ނުލައި ހިންގޭ ވެރިކަމެއްގައި ތޯއެވެ. އަދި، ކައިރި މުސްތަގްބަލެއްގައި ޕާޓީސިސްޓަމް ސިޔާސަތައި ނުލާ، ވެރިކަމުގެ ފުރިހަމަ ނިޒާމެއް މިރާއްޖޭގައި ހިންގިދާނެ ކަމަށް، އިލްޔާސް ގަބޫލު ކުރައްވަމު ތޯއެވެ؟

 

ޖ، އަށެއް: މިހާތަނަށް ދުނިޔޭގައި ކާމިޔާބުކޮށް ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް އެ ރައްޔިތެއް ރުހޭގޮތަށް ހިންގައި ތަޖްރިބާ ކޮށްފައި ވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރިޔާސަތުގެ ތެރެއިން ދެނިޒާމެކެވެ. ފަހެ، އެއީ އިސްލާމީ ރިޔާސަތާއި ޑިމޮކްރަސީ ރިޔާސަތެވެ. މިދެ ސިޔާސަތުގެ ތެރެއިން ވެސް އަދުލުވެރިކޮށް ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ ހުކޫމަތްތައްވަނީ ފެނިފައެވެ. ދުނިޔޭގައި ތަޖްރިބާކޮށް ދައްކާފައެވެ. ކާމިޔާބުކޮށް ހިންގާފައެވެ. މަދީނާ މުނައްވަރާގައި އޮތް ކީރިތިރަސޫލާގެ އިސްލާމީރިޔާސަތަކީ ނަމޫނާއެކެވެ. އެވެރިކަން ދުނިޔޭގައި ދެމި އޮތީ ހަތަރު ވަނަ ޚަލީފާގެ ވެރިކަން ނިމުމާ ހަމައަށެވެ.


އިސްލާމީ ޚިލާފަތުންނާއި ހުޅަގުގެ ރިޔާސީ ނިޒާމުގެ ތެރެއިންނެވެ.ހުޅަގުގެ ރިޔާސީ ނުޒާމަކީ އެންމެ ފުރިހަމަ ކާމިޔާބު ނިޒާމެއް ގޮތުގައި ތަންފީޒު ކުރެފިއެއް ނެތެވެ. އިސްލާމީ ރިޔާސަތު ފިޔަވާ ދެން ހުރީ އިންސާނުން އަމިއްލައަތުން އަމިއްލައަކަށް މިހާތަނަށް ފަރުމާކުރި ވެރިކަމުގެ ގިނަ ވައްތަރުތަކެވެ. އެ ނިޒާމުތައް ވަނީ، ފަސާދަވެ ފެއިލް ވެފައެވެ. ނަތީޖާއެއް ނުދެއްކި މަސްހުނި ވެފައެވެ. ރައްޔިތުން ކޮޅުފައިން ޖަހާއި ރިޖެކްޓު ކޮށްފައެވެ. އޭގެ ތެރޭގައި، ކޮމިއުނިޒަމް، ކެޕިޓަލިޒަމް، ގައްޒާފީ ގެންގުޅުއްވި ފެހިފޮތުގެ ތިއަރީ، އަދި އެޑޮލްފް ހިޓްލަރުގެ ގާނޫނީ ތިޔަރީ ފަދަ، ޕޮލިޓިކަލް ފިލޯސަފީތައް ވަނީ ހުކޫމަތު ހިންގުމުގައި ބާތިލުވެ ފެއިލްވެފައެވެ.


ފަހެ، ދަންނާށެވެ! މައްސަލަތައް ދިމާވަނީ، ވަކިހަމައަކަށް ނުފެތި މަސްހުނިވެގެން ގޮސް ރައްޔިތުންގެ ހައްގުތައް ފަހަނައަޅާ ދާތީއެވެ. އަމިއްލަ އެދުންތަކުގައި މުއްސަނދި ވާން އުޅެގަންނާތީއެވެ. ފަހެ، ދައުލަތް ތަކުގައި ރެފަރެންޑަމް ވޯޓުތައް ނަގައި ރިޔާސީ ނިޒާމަށްތޯ، ވެރިކަން ބައްޓަން ކުރާނީ ނުވަތަ ޕާލިމެންޓްރީ ނިޒާމަށްތޯ ވެރިކަމުގެ ނިޒާމް ހިންގާނީ ޗާލާކީކޮށް ބަލައެވެ. ސާފުނަތީޖާ ހޯދައެވެ. އެހެނަސް އެއިން އެއްވެސް ނިޒާމެއް ތަންފީޒުކޮށް ދެވޭވަރުގެ އަދުލްވެރި ހާކިމަކު، އަދި ރައީސަކު ނުފެނެއެވެ. އަދި މިހާތަނަށް ފެނިފައެއް ނެތެވެ!


އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިކުޑަކުޑަ ޖަޒީރާތަކަށް ބެހިފައިވާ ހަތަރުލައްކައެއްހާ އާބާދީގެ ދިވެހިރާއްޖޭގައި ކާމިޔާބުކޮށް މިދެވައްތަރުގެ ނިޒާމުގެ ދަށުން ވެސް ގާނޫނީ ނުވަތަ ޝަރުއީ ހުކޫމަތެއް އޮމާންކޮށް ރައްޔިތުން ރުއްސައިގެން ހިންގިދާނެ އެވެ. އެވަރުގެ އިންސާފުވެރި އަދުލްވެރި، އަގީދާ ވަރުގަދަ ޝަޚްސިއްޔަތެއް އުފެދެންވީއެވެ. ފައުޅު ވާންވީއެވެ. އެފަދަ ޝަޚުޞިއްޔަތެއްގެ އިމާމަކު ނުވަތަ ރައީސަކު ފެންނަންވީއެވެ. ވުޖޫދުވެ ވެރިކަމަށް އަރަންވީއެވެ.


ފަހެ، ދަންނާށެވެ! އެނޫން ހައްލެއް މިރާއްޖެއަކު އަދިއެއް ކައިރި މުސްތަގްބަލެއްގައި ފެންނާކަށް ނެތެވެ. ސިޔާސީޕާޓީތައް އޮތަސް ނެތަސް ތަފާތެއް ނެތެވެ. ރައްޔިތުންގެ އާންމު ދިރިއުޅުން ހުންނަލެއް ދައްކަމުން ފައިސާގެ ބޭނުމުގައި އަމިއްލަ ޒަމީރު ދޫކޮށްލެވެނީ، އިންތިހާއަށް ލަދުވެތިކޮށެވެ. އެހެންމީހަކު ބުނާ ބުނުމަކަށް އެދޭ އެދުމަކަށް ތިމާއަށް ސިއްރުން ބޭނުންކުރުމަށް ލިބިފައިވާ ވޯޓުލުމުގެ އަސާސީހައްގު ނަހަމަގޮތުގައި ދޫކޮށްލެވެނީ، ވިސްނުމެއް ނެތި ވަގުތީފައިދާ އަކަށެވެ. ގައުމީލޯތްބެއް ނުހުރެއެވެ.


ފަހެ، ޕްރައިމެރީ ސްކޫލްތަކުގެ މަންހަޖުގައި އަގީދާގެބައި އަށަގަނުވައިގެން ނޫނީ މިފަދަ މުޖްތަމައެއްގައި އަލުން އިންސާފާއި ކުލުނާއިލޯބި އާލާކުރުމަކީ ވަރަށް ދުރުކަމެކެވެ. އަދި ކައިރި މުސްތަގުބަލެއްގައި މަލްޓިޕާޓީ ސިޔާސަތު ރާއްޖެއިން ނައްތާލެވޭނެ ކަމަކަށް ނުދެކެމެވެ. އަދި ޝަރުއީ ނިޒާމަކަށް ބަދަލުކޮށްލާނެ، ސަލާހުއްދީން އައްޔޫބީ އަކު ފަދަ ބޭފުޅަކު އަންނާނެހެނެއް، އަދި އަވަސްކޮށް ފެންނާނެކަމަކަށް ގަބޫލެއް ނުކުރަމެވެ.


ބޮޑުކޮށް މިހާރު ފެންނަމުން ދަނީ ފަހުޒަމާނުގެ ދައްޖަލީ ބާރުގައި ވެރިން ޖެހޭ ތަނެވެ. ހުރިހާ ކަމެއް ރޭވިފައި އޮންނަނީ އެގޮތަށެވެ. ދުނިޔޭގެ ސަހުޔޫނީ ސިއްރު ދައުލަތް، ޑީޕުސްޓޭޓު ނުރުހޭ ފަރާތަކަށް ގައުމުތަކުގައި މިހާރު މިގެންގުޅޭ ވެރިކަމުގެ ނިޒާމުތަކުގެ ތެރެއިން ވެރިކަމަށް ނާދެވެއެވެ. ހުރިހާ ވެރިން ވެސް ތިބެނީ އެދަލުގައި ޖައްސާފައެވެ.


އާދެ! ވެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރެވޭނީ، ވަރުގަދަ އަގީދާ އެއްގެ މުޖްތަމައު އެއް ބިނާ ކުރެވިގެންނެވެ. އެފަދަ ދުވަހެއް އަނބުރާ ގެނެވުމުންނެވެ. ލީކުއާންޔޫ ވެސް ސިންގަޕޫރު ބިނާކުރުމަށް އެންމެ އިސްކޮށް އެޅުއްވި ފިޔަވަޅުގެ ބިންގަލަކީ، ޒުވާނުންނަށް ތައުލީމް އުގަންނައިދީ އާންމު ކުރުމެވެ. ގައުމީލޯބި ހިތްތަކުގައި އުފެއްދުމެވެ. ފަހެ، އޭރުން މިދެވައްތަރުގެ ހުކޫމަތު ވެސް ކާމިޔާބު ކުރެވިދާނެ އެވެ. ޝުކުރިއްޔާ!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page