top of page

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު ހަތަރެއް

  • Writer: ilyashusein
    ilyashusein
  • May 4
  • 7 min read

Updated: May 11

މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.


ސ، ހަތަރެއް:


ރާއްޖޭގެ އާދަކާދައިގެ، މަތިން ގަބޫލުކުރެވޭ ހަމައަކަށް ވެފައި އޮންނަނީ، ސްޓޭޓް މިނިސްޓަރުން ނަކީ، ވަކި ހަނި އޭރިއާ އަކަށް މަސްއޫލިއްޔަތު ހަނިވެފައި އޮންނަ މަގާމެއްގެ ގޮތުގައެވެ. އެހެނަސް އެމަގާމަކީ، ދައުލަތުގެ ފަރާތުން ކަނޑައަޅާ މިނިސްޓްރީއެއް ރައްޔިތުންނަށް އެންމެފައިދާ ބޮޑުގޮތުގައި އެންމެ ފުރިހަމައަށް ހިންގުމުގައި ޒިންމާ އުފުލަންޖެހޭ ދެވަނަ މަގާމެވެ. ވީމާ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ ތަޖްރިބާގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އިލްޔާސްގެ މަސްއޫލިއްޔަތު ތަކަކީ، ކޮބައިތޯއެވެ؟


ސަރުކާރުން ބޭނުންވާ ޖަރީމާތައް ދައުލަތުގެ ޚަރަދުގައި ހިންގާ ސިއްރުފޯސް:  


ޖ، ހަތަރެއް:


ޒަމާނުއްސުރެ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ބޭނުންކޮށް ގެންގުޅުމަށް މުޖްތަމައު ތެރެއިން ހޮވާލެވިފައި ތިބޭ ވަކި އަމިއްލަ ހުނަރު ތަކެއްގެ އަހްލުވެރި ބަޔަކު، ދައުލަތުން ފައިސާ ދީގެން، ސަރުކާރުގެ ބޮޑުންގެ އަރިހުގައި ގެންގުޅެވޭނެ ގޮތަށް، ސިޔާސީ ވެރިން މަގެއް ހޯދާއި އީޖާދުކޮށްފައި އޮވެއެވެ. އެއީ ރަށުތެރޭގައި އަމިއްލައަށް ރާވައިގެން ހިންގުމަށް ބޭނުންވާ، ނުސީދާ ކަންކަމާއި ސީދާ ކަންކަމަށް މަގުފަހިކޮށް، ސިޔާސީ ހައްލެއް ހޯދުމުގެ މަގު ފަހިކުރުމުގެ މަސައްކަތުގައި އުޅުދޭގޮތަށް ސަރުކާރު ތެރޭގައި ހިމާޔަތްދީގެން ސިއްރު ގޮތުގައި އޮޅުވާލައިގެން ގެންގުޅޭ ބައިގަނޑެއްގެ ގޮތުގައި ދައުލަތުން މުސާރަދީގެން ގެންގުޅޭ ޖަމާއަތެކެވެ. ގުރޫޕެކެވެ. ބާރެކެވެ. ނޫނީ ފޯހެކެވެ.


އެފަދަ ފަރާތްތަކަށް އާމްދަނީ ހަމަޖެއްސުމަށް ދެވޭ އުޖޫރައެއްގެ ގޮތުގައި ގެންގުޅޭ ދުސްތޫރުން ބޭރު ހަމައެކެވެ. ނުވަތަ ދައުލަތުގެ މަގާމެކެވެ. މިއީ އޮޅުވާލައިގެން ދައުލަތުން ކުރާ ޚަރަދެކެވެ. ހިންގާ ބޮޑުޖަރީމާއެކެވެ. މިކަން ޒަމާނީ ވެގެންގޮސް މިހާރުވަނީ، ދައުލަތުގެ ސަލާމަތީ މުއައްސަސާތައް ކަމުގައިވާ ޑިފެންސް ފޯސް އާއި ފުލުހުންގެ އިދާރާގެ ސްޕެޝަލް ފޯސް ތެރޭގައި މީގެ ކުދިކުދި ޖަމާއަތްތައް ތަރައްގީކޮށް ފުރިހަމަ ޓްރޭނިން ދީފައެވެ. ދުނިޔޭގައި މިކަން އެންމެ ކުރީކޮޅު ހިންގީ އިސްރާއީލީ ދައުލަތެއް ޝާމްކަރާގެ ލިވާންޓްގައި، ގައިމުކުރުމަށް ހިންގުނު ގޮތްކުޑަ އަޑިނޭނގޭ ސިއްރު ހަރަކާތްތަކުގެ ތެރޭގައެވެ.


ފަހެ، މިއީ އަމިއްލަޖީބުން ޚަރަދެއް ނުގޮސް ދައުލަތުގެ ފައިސާއިން ހިންގާ ޖަރީމާއެއްގެ ގޮތުގައި ރާވައިގެން ކުރާ ކަމެކެވެ. މިއީ ބަރާބަރަށް ދައުލަތުން ޚަރަދު ކުރާ، އަދި ދައުލަތުގެ ބަޖެޓުން ސިޔާސީ ބާރެއްގެ ނުފޫޒު ފަތުރަން ނުވަތަ ސިޔާސީ ފިކުރެއްގެ ނުފޫޒު ދަމަހައްޓަން ބިނާ ކުރެވިފައިވާ ސްޓޭޓް ސްޕޮންސާޑް އަދި ފަންޑަޑް ޖަރީމާތައް ރޭވުމާ އެކު ހިންގާ މީހުންނެވެ. އެކަމަށް ދައުލަތުގެ ތެރޭގައި ތައްޔާރުކޮށްފައި އޮންނަ ފޯހެވެ. ދައުލަތުގެ ފައިސާއިން މުސާރައެއްގެ ގޮތުގައި ނަގުދުފައިސާ ސިވިލް ސާވަންޓުންނެކޭ އެއްގޮތަށް ދެވޭބައެކެވެ.


ފަހެ، މީގެ ނަންހުރި ގްރޫޕެއް، 1989 ގެ ފަހުކޮޅައި، އަދި 1990 ވަނަ އަހަރުގެ ފަހު މަސްތަކާ ހަމައަށް، "ބިންބިފޯސް" ގެ ނަމުން މަޝްހޫރުވެ ރަށުތެރޭގައި އަމަލީގޮތުން "ސިއްރުބާރެއް" ގެ ގޮތުގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ކުރުވާފައި ވެއެވެ. މިއީ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ވަކި ނަމެއްގައި މިކަހަލަފޯހެއް ފާޅުވި ފުރަތަމަ ފަހަރެވެ. މިފޯސް ހިންގުމުގެ ހުރިހާ ކަމެއް އޮޕަރޭޓު ކުރުވަމުން ގެންދެވީ ދިފާއީވުޒާރާ އިންނެވެ.


އާދެ! އެންމެ ގަދީމީ ދުވަސްވަރުން ސުރެ ބަންޑާރަ ފައިސާއިން މިފަންތީގައި ގެންގުޅޭ ވަކި ޚާއްސަ ބަޔަކަށް ނުވަތަ ޖަމާއަތަކަށް އެކިއެކި ރީތި ނަން ދީ ހަރަކާތްތެރި ކުރުވާ ހަދާފައި ވެއެވެ. ރަސްރަސްކަލުން ޒަމާނުއްސުރެ މިއީ ދެމެމުން އަންނަ ކަމެކެވެ. އަދި އެކަމަށް ސަރުކާރު އޮނިގަނޑު ތެރޭގެ މަގާމެއް ބޭނުންކޮށްގެން މުސާރައިގެ ނަމުގައި ބައިތުލްމާލުން ފައިސާ ހޭދަކޮށް ހަދާފައި ވެއެވެ. ރާވައިގެން އެމީހުން ލައްވައި ޖަރީމާތައް ހިންގުވާ ހަދައެވެ.


މިޖަމާއަތަށް ނޫނީ ފޯހަށް ދެވެމުންދިޔަ އެކިނަންތައް އިވެމުން މަޝްހޫރު ވަމުން ދިވެހި މުޖްތަމައުގައި އައިސްފައި އޮންނަނީ، އަވަށު ބޮޑުން، އަވަށު ބޭކަލުން، ކަލޭ ފާނުން، ކަނބުލޭގެއިން، ޚާއްސަ އެހީތެރިން، ސްޕްޝަލް ޑިއުޓީ އޮފިސަރުން، ރާއްޖެތެރޭގެ ޚާއްސަ އެހީތެރިން، ކޯޑިނޭޓަރުންގެ އެކި ފެންވަރުގެ މަގާމުތައް، މިގޮތަށް މިފަދަ ރީތި ޗާލާކީ ނަންތައް ބޭނުން ކޮށްގެންނެވެ. އަދި މިހާރަކަށް އައިސް ސްޓޭޓް މިނިސްޓަރުންގެ މަގާމަކީ ވެސް، ސިޔާސީގޮތުން އެކި މަގްސަދުތައް ހާސިލުކުރުވުމަށް ބޭނުން ހިފުމަށް ގެންގުޅެމުންދާ ވަފާތެރިކަމުން ބަލަދުއަރާ ފައިވާ މީހުން ތަކަކަށް ދެވޭ މަގާމަކަށް ވަނީ އާންމުވެފައެވެ.


އެމީހުންނަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށް ދިނުމަށް، ވެރިމީހާގެ ފަރާތުން ދައުލަތުގެ ބަޖެޓު ތެރެއިން ޚަރަދުކޮށްގެން ގެންގުޅޭ މަގާމަކަށް އެކަންވަނީ، ފާޑަކަށް ބަދަލުކޮށް ލާފައެވެ. ތިޔަ ސުވާލު ކުރެވެން ޖެހުނީ އެހެންވާތީއެވެ. އެއްގޮތަކަށް ވެސް މިއީ ރައްޔިތުންގެ ވެރިކަމެއްގައި އަދި ޒަމާނީ، ތަހުޒީބީ ޑިމޮކްރަސީއެއް ގައި ހުއްދަ އޮވެގެންވާނެ ހަމައެއް ނޫނެވެ. ދުސްތޫރުންނާއި ގާނޫނުންނާއި ޝަރުއުގައި މުޅިން މަނާކަމެކެވެ. އަދި މުޖްތަމައުގެ ވަކި ގްރޫޕަކަށް ޖަމާއަތަކަށް ވަކި ބާރެއް ލިބިގެން ހަރަކާތްތެރިވެ އުޅެވިގެން ނުވާނެއެވެ. އެއީ ފަސާދަ ހިންގުމެވެ.


ފަހެ، މިފަދަ ގްރޫޕްތައް ލީޑު ކޮށް ހަދާ ނުލަފާ ކަންތައްރާވާއި ހިންގައި ދީ ހަދާމީހުން، ދައުލަތުގެ ދަށަށް ގެނެސް ރައްޔިތުންގެ ޓެކްސްފައިސާ އިން ބެލެހެއްޓުމަކީ، ދައުލަތަށް ޚިދުމަތް ދިނުމެއް ނޫނެވެ. ރައްޔިތުންނަށް ޚިޔާނަތްތެރިވެ، ރައްޔިތުންގެ ބާރާއި މުޅި ދައުލަތް ފުނޑާލުމެވެ. ރައްޔިތުންނަށް ޚީޔާނަތްތެރި ވުމެވެ. ޑިކްޓޭޓަރެއްގެ ދަށަށް، ގަދަބާރުން ދައުލަތް ގެންގޮސް ވައްޓާލުމެވެ. ހަގީގަތުގައި ސަމާވީ ޝަރީއަތް ތަކުގައި އަދި ޒަމާނީ ތަހްޒީބީ ޑިމޮކްރަސީގައި މިއީ އެއްވެސް ހާލެއްގައި ވެރިމީހާއަށް ދެވިފައިވާ ޖާގައެއް ނޫނެވެ. އަދި ބާރެއްނޫނެވެ. ވެރިކަމަށް އަންނަ މީހާގެ އަމިއްލަ ދިފާއުގައި މިއިންކަމެއް އިންތިޒާމު ކުރާ މީހަކު ވެރިކަމުން ދުރުކަމަކީ، ރައްޔިތުންނަށް ލާޒިމްކޮށްފައިވާ އަސާސީ މަބްދައު އެކެވެ. ރައްޔިތުން އަމަލުކުރަން ޖެހޭނެ އުސޫލެކެވެ.


އާދެ! ހަގީގަތަކީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ރައްކާތެރިކަމާއި މުޖްތަމައުގެ ސަލާމަތް ތެރިކަން ދަމަހައްޓަން ތިބޭ ވަޒީރުން ހިންގަވާ ހުރިހާ ކަމެއްގައި ވަޒީރަށް އެހީތެރިވާން ނޫންގޮތަކަށް ސްޓޭޓް މިނިސްޓަރުގެ ވަޒީފާ ބާއްވައި އަދި ދައުލަތުގެ އެންމެފައިސާ ފޮއްޗެއް ވެސް، ސަރުކާރުން ހައްގުމަގުން ނޫންގޮތަކަށް ޚަރަދުކުރިޔަ ދީގެން ނުވާނެއެވެ. މިކަން ހުއްޓުވަން ޖެހޭނެއެވެ. ރައްޔިތުން ތެރޭގައި ފާރަވެރިން ތިބެންޖެހޭނެ އެވެ.


ސަރުކާރު ތެރޭގައި އެފަދަ ބާރުތައް ގެންގުޅޭ ފަރާތްތައް ހޯދާއި ފަލީހަތް ކުރުމަކީ ރައްޔިތުން ކުރަންޖެހޭނެ ކަމެކެވެ. އަދި ނޫސްވެރިން ތަހުގީގީ ރިޕޯޓުތައް އަބަދުހެން އާންމުކުރަން ޖެހޭނެ އިޝޫއެކެވެ. އެއްގޮތަކަށް ވެސް މަޑުން ތިބުމަކީ، މުސްތަބިއްދު ވެރިންނަށް ޖާގަ ދީ ފުރުސަތު ދިނުން ނޫންކަމަށް ނުވާނެއެވެ.


އާދެ! މިޒާތުގެ ސިޔާސީ މީހުންނަކީ، މިހާރު މިއޮންނަގޮތުން އޮފީހަށް ހާޒިރު ނުވިޔަސް ހާޒިރީއެއް، ފޮތެއް، އެއްޗެއް ދުވަހަކު ލޮލަށް ނުފެނުނަސް މަސްނިމުމުން ބަރާބަރަށް އަމިއްލަ އެކައުންޓަށް ފުލްމުސާރަ ޖަމާވާގޮތަށް ހަމަޖެހިފައި އޮންނަ މީހުންނެވެ. ފަހެ، މިޖަރީމާ އަކީ، ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމްގެ ބާރެއްކަން ކަށަވަރެވެ. މިއީ ރައްޔިތުން ނުކުމެ ނައްތާލަން ޖެހޭ ވަބާއެއް ފަދަ ބާރެކެވެ. މިހާރުވެސް ސަރުކާރުގެ މިނިސްޓްރީ ތަކުގެތެރެއިން އެމަންޒަރު ފެނިގެން، ތަކުރާރު ވަމުން ދާލެއް މަދެއްނޫނެވެ.


ފާހަގަކޮށް ގުނާލެވޭ ވަރަށް ގިނައިން މީގެމީހުން ތިބެއެވެ. މިހާރަކަށް އައިސް ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް މިގިންތީގެ ކޮންމެވެސް އަދަދެއް އާންމު މީހާއަށް ވެސް ގުނާ ލެވޭނެ އެވެ. ގައުމު މިދަރަޖައަށް ވެއްޓުމަކީ ފަހެ، ގައުމުނެތި ދިއުމެވެ. ދުސްތޫރުން ބޭރުން ގައުމު ހިންގުމެވެ.


އާދެ! 2008 ގައި އުވާލެވުނު މިނިސްޓްރީ އޮފް އެޓޮލްސް އަކީ، އެކަމުގެ ލާމަސީލު ތަނެކެވެ. މަރުކަޒެކެވެ. މިހާރުވެސް ދައުލަތުގެ ބައެއް މިނިސްޓްރީ ތަކުގައި އެފެންވަރުގެ މަގާމުތަކާ މެދު ދިރާސާއެއް ހަދައިފިނަމަ، ޒިންމާދާރުކޮށް ޒިންމާތަކައި ހަވާލުވެގެން ތިއްބަވާ ސްޓޭޓް މިނިސްޓަރުން ފެނިގެންދާނީ މިނިސްޓްރީ އަކުން އެންމެ ދެތިން ބޭފުޅެކެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ؟


ސަރުކާރުގެ މުސްތަގިއްލު މުއައްސަސާ ތަކާއި ޖުޑީޝަރީއާއި މަޖިލިސް މިވަނީ، އިންތިހާއަށް ފަސާދަކޮށް ވެރިމީހާގެ މުށުތެރެއަށް ލާފައެވެ. ރަހީނުކޮށް ފައެވެ. ރައްޔިތުންނަށް އޮޅުވާލާއި ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. މިނިސްޓްރީ ތަކުގައި އެކަށީގެން ނުވާވަރަށް ދައުލަތުގެ ވަޒީރުން (ސްޓޭޓް މިނިސްޓަރުން) ނައިބު ވަޒީރުން ތައް ގިނައެވެ. ރަސްމީކަމެއް ނެތަސް ބަރާބަރަށް މުސާރައިގެ ބޭނުން އެހުރިހާ ފަރާތަކުން ހިފައެވެ. އެފައިސާ ބޭނުން ކުރެއެވެ.


ފަހެ، ނަސީބަކުން ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އަޅުގަނޑަށް އުޅެވުނު ހުރިހާ އިދާރާތަކަށް ބަލާއިރު އަޅުގަނޑުގެ މަގާމުގެ މަސްއޫލިއްޔަތު ތަކަށް ނަޒަރު ކުރާއިރު ބޭކާރުކޮށް ހުންނަން ޖެހިފައެއް ނުވެއެވެ. އުޅެންޖެހުނީ ވަރަށް ޒިންމާދާރު ކޮށެވެ. މަޝްޣޫލުވެގެންނެވެ. ނުކުރެވޭ ވަރަށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ޖާގަ ހުޅުވިފައި އޮތެވެ. އަޅުގަނޑަށް އޮންނަނީ، ނުކުރެވިފަ އެވެ. ކުރާނެ ކަންކަން ގިނަވެފައެވެ.


މުޅިން ވެސް އަޅުގަނޑައި ވެރިކަމުން ހަވާލުކުރީ، ތަންފީޒީ އިދާރާތަކަށް ވީމާ ދިމާވިގޮތެވެ. މުސާރަ ނަގަނަގާ ހުންނަގޮތަށް އެއްވެސް މިނިސްޓަރީ އެއްގައި އެއްވެސް އިރެއްގައި ބޭކާރުވެފައި ސިޔާސީ ބޮޑުންގެ ބޫޓުގައި ދޫލާއި ޕޮލިސްކާއްތާ އޮފުކޮށް ދޭން އުޅޭކަށް ނުޖެހެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުގައި ހުރިއިރު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ހިންގަން އެންމެ އިސްކޮށް ހުރީ އަޅުގަނޑެވެ.


އެކަމަށް ޚާއްސަ ގާނޫނަކުން ފުރިހަމަ ބާރުތައް ލިބިދީފައި އޮތެވެ. މާގިނަގިނައިން އަރިހަށް ގޮސް ދަންނަވައިގެން ހުއްދަ ހޯދަހޯދާ ލަސްވެލަސްވެ ކަންކަން ނުކުރެވި މަޑުޖެހިފައި ހުންނާކަށް ނުޖެހެއެވެ. މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމަންޓުގެ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު ހުންނަންޖެހުނީ، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގުމަށް އެއިދާރާގެ ޗީފް ކޯޑިނޭޓަރުގެ މަގާމުގައެވެ. އެއްމެ އިސްކޮށް ޒިންމާދާރުކޮށް އެއިދާރާ ހިންގާށެވެ. އެއީވެސް ކުރެވޭނެ ކަންތައް ބައިވަރު ހުރި، އަދި ކުރަން ހުރި ބައިވަރު ކަންތަކަށް ދޮރުހުޅުވިފައި އޮތް އިދާރާއެކެވެ.


އަދި އިންތިހާއަށް ގިނަކޮށް ބޭރުދަތުރުތައް އޮހެމުން އަންނަ އިދާރާއެކެވެ. ސެމިނާތަކާއި ކޮންފަރެންސް ތަކުގައި ބައިވެރިވުމަށް ދިއުމަށް އެދިއެވެ. އަޅުގަނޑު އެންމެ އިސްކަމެއް ދިނީ، އެއިދާރާ މުސްތަގިއްލު ކުރުމަށް ޑްރާފްޓް ފަށާފައި އޮތް ގާނޫނު ފުރިހަމަކޮށް ނިންމާ ލުމަށެވެ. ތައިލޭންޑް އާއި މެލޭޝިޔާ އާއި ކޮރެޔާ ފަދަ ގައުމުތަކަށް ބޭރުދަތުރު ތަކުގައި ދާންޖެހުނެވެ. އެހެނަސް އެދަތުރު ތަކުގައި ދަމުން، ޑިޒާސްޓަރ ގާނޫނު ވަރަށް އަވަހަށް ފުރިހަމަކޮށް ބަންޑާރަ ނައިބު އޮފީހަށް ލަފައަކަށް އެދި ފޮނުވާލީމެވެ.


އެހެނަސް މިއޮފީހަކީ ވެސް ބޮޑެތި އަދަދުގެ ފައިސާ ނެގުމަށް ކޮރަޕްޝަނާއި ފަސާދަ މަތީދަރަޖައަކަށް ހިންގާފައިވާ އޮފީހެކެވެ. ބޮޑުއަދަދެއް ބޭރުވަނިކޮށް އަޅުގަނޑަށް މުވައްޒަފަކު ދިން މައުލޫމާތުން އެކަން އެނގިގެން އަވަހަށް، އޭސީސީއަށް އެމުވައްޒަފު ލައްވާ ލިޔުވާއި އެންގީއެވެ. އެހެނަސް އޭސީސީން އުޅުނީ އަޅުގަނޑު ތާށިކުރާށެވެ. އަޅުގަނޑު އޭސީސީއަށް ދިން ބަޔާނުން އެކަން އެނގެންއޮތީމައި، ޕީޖީ އަލްއުސްތާޒު އަހުމަދު މުއިޒު އެމައްސަލަ ޝަރީއަތަށް ނުފޮނުއްވައި އަނބުރާ އޭސީސީއަށް ފޮނުވާލެއްވީއެވެ.


އާދެ! ދެން އަޅުގަނޑައި އެފެންވަރުގެ ވަޒީފާއަކައި ހަވާލުވީ ތިޔަ ވިދާޅުވިހެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގަ އެވެ. އެތާގައިވީ ހައެއްކަ އަށެއްކަ މަސްދުވަސް ވަރެވެ. އަޅުގަނޑައި ހަވާލު ކުރެއްވީ އަލަށް އެމިނިސްޓްރީގައި ތައާރަފްކުރި އެންޓިޓެރަރިޒަމާ ބެހޭ ކަންކަމާއި ސަލާމަތީ ގޮތުން ހަދަންޖެހޭ ގާނޫނުތައް ޑްރާފްޓުކޮށް އެކުލަވާ ލުމުގެ ބުރަ މަސައްކަތްތައް މޮނިޓަރކޮށް އެމަސައްކަތް ހިންގައި ބެލެހެއްޓުމުގެ ޒިންމާތަކެވެ.


ފަހެ، އެއީ ޒިންމާއެއް ހާވާލުވެފައި ނެތްމީހަކު ވަރަށް މަދު މިނިސްޓްރީ އެކެވެ. މިމަސައްކަތް ކުރުމުގައި ފުދޭވަރަށް އަބަދުހެން އަޅުގަނޑު އަމަލީ ގޮތުން އުޅުނީމެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މާބޮޑު ނަތީޖާއެއް ނެރެ ނުދެއްކުނަސް ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ކުރެވުނެވެ. އެންޓިޓެރަރިޒަމް ނުވަތަ ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތަކީ، މޯލްޑިވްސް އިމިގްރޭޝަނުގައި ހުރި އިރުވެސް ބައިނަލް އަގުވާމީ ޖަލްސާތަކަށް ގޮސް ބައިވެރިވެފައިވާ ވަރަށް ފެމިލިއަރ، އަދި ރައްޓެހި ދާއިރާއަކަށް ވީމާ އެކަމަށް ޝައުގުވެރިކަން ހުއްޓެވެ.


އަދި އިމިގްރޭޝަނުގައި އިންޓެލިޖަންސް ޔުނިޓެއް ގައިމުކޮށް ކައުންޓަރ ޓެރަރިޒާމާއި އެންޓި ހިއުމަން ޓެރެފިކިންގ މަސައްކަތް އެ އިދާރާގައި އަޅުގަނޑު ފަށާއި ކުރިޔަށް ގެންދިއައިމެވެ. އެ ޔުނިޓުން އާއޮފިސަރުން އެކަމަށް ތައްޔާރުރުމަށް ބާރުއަޅާފައި ވާނެއެވެ. އަދި އަޅުގަނޑު އެއިންކަމެއްގައި ބައިވެރިވުމަށް ބޭރަށްދާ ދަތުރުތަކުގައި އެ އޮފިސަރުންގެ ބައިވެރި ކުރުން އަމަލީގޮތުން ގެންގުޅުނީމެވެ. އަޅުގަނޑު އިސްކޮށް އިނދެފައި ހުރިހާކަމެއް ކުރުވަނީ، އެ އޮފިސަރުން ލައްވައެވެ. އަހުރެންނަކީ އިނގިރޭސިން ބަސްނުބުނެ ދިވެހިބަހުން ހުރިހާ މުއާމަލާތެއް ތަރުޖަމާނަކު ހުރެގެން ކުރާ މީހެކެވެ. ބޭރުބިދޭސީންގެ ބައްދަލުވުން ތަކުގައި ވެސް ތަގުރީރު ދެނީ ދިވެހިބަހުންނެވެ.


ފަހެ، ޑިފެންސް މިނިސްޓަރަކަށް އަމީން ފައިސަލް ހުންނެވި އިރު ރައީސް އޮފީސް ތެރޭގައި އެ މަސައްކަތަށް ޚާއްސަ ކުރެވުނު ޚާއްސަ ޔުނިޓުގައި އަޅުގަނޑާ އެކު އެ މަސައްކަތުގައި އެފަދަ އޮފިސަރުން އެކުގައި ގެންދިއައިމެވެ. އިމިގްރޭޝަނުގައި އެ މަސައްކަތްތައް ހަރުދާނާކޮށް އެކަމަށް ވަކިޚާއްސަ ގާނޫނެއް ފަރުމާކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އަޅުގަނޑަށް (އިމިގްރޭޝަނަށް) ލިބިގެން ދިޔައެވެ.


އާދެ! މީގެކުރިން ޑިފެންސް މިނިސްޓްރީ ތެރޭގައި މިފަދަ ޔުނިޓެއް ގައިމުކޮށް އިސްކޮށް އޮފިސަރުން ތިބެގެން މަސައްކަތް ތަކެއް ކުރެވިފައެއް ނެތެވެ. މިފަދަ މަސައްކަތްތައް ކުރިޔަށް ގެންދަފާފައި އޮތީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ތެރޭގައެވެ. ގަދަކޮށް އިންޓެލް މަސައްކަތާއި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ޑިފެންސްފޯސް ތެރޭގައި ޒަމާނީ ފެންވަރަށް ގައިމް ވެފައި އޮތެވެ. އެހެނަސް މިއީ ޑިފެންސް ތެރޭގައި ސެކްޝަނެއް އުފައްދައިގެން އަލަށް ފެށި މަސައްކަތެވެ. ވީމާ މިކަން ފެށުމުގެ ޝަރަފު މި ލިބުނީ ނިކަމެތި އަހުރެންނަށެވެ.


އާދެ! ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފް އަކީ ވަރަށް ވަކިވަކިން ހިންގާ ދެ އިދާރާއެކެވެ. ބޮޑުސިއްރުގެ ގޮތުގައި އަބުއިގޮތަކަށް ޑިފެންސްފޯސްގެ ގިނަކަންކަން ހިންގަނީ މިނިސްޓްރީއާ ގުޅުމެއް ނޯންނަ ގޮތަށެވެ. އެ އިދާރާއިން އަމިއްލައަށެވެ. ސީދާ މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅާނޫން ކިތެންމެ މަތީ މަގާމެއްގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ވެރިއަކަށް ވިޔަސް، އަދި މިނިސްޓްރީގެ އެހެން މުވައްޒަފަކަށް ވެސް މިނިސްޓެރީގެ ކޮޓަރިތައް ނޫންތާކަށް ވަނުން މަނަލެވެ.


ސްޓޭޓް މިނިސްޓަރަށް ކެންޓީނަށް ވަނުންވެސް މަނަލެވެ. އެމްއެންޑީއެފްގެ އެންމެހައި އޮފިސަރުންނަށް ފްރީ ކޮއްތުގެ ހުއްދަ އަބަދުހެން ހުޅުވިފައި އޮވެއެވެ. އަޅުގަނޑު ހުރި ދުވަސްވަރު އޮފީހުގައި އިންނަގަޑީގައި ބޯނެފެންފޮދެއް ނުލިބިގެން ފެން ބުއިމަކީ، މަޖުބޫރުކޮށް ކުރަންޖެހޭ ކަމަކަށްވާތީ ފެންފުޅިއެއް ގަންނަން އެތެރޭގައި ހުންނަ ފިހާރައައި ހަމައަށް ދާންވެސް ހުއްދައެއް ހޯދަން ޖެހުނެވެ. މިކަންކަން އަޅުގަނޑަށްވީ ވަރަށް ހެއްވާ ކަމަކަށެވެ.


އެމްއެންޑީއެފުން ރާވަފައި އޮންނަނީ، މިނިސްޓްރީ ވިހާވެސް ދުރުގައި ވީހާވެސް ބަލިކަށިކޮށް އެއްފަރާތް ކޮށްފައި ބާއްވާށެވެ. އަބަދުވެސް މިނިސްޓަރު ވަށާލައިގެން އުޅޭނެ ޔުނިފޯމްއެޅި ފޯހެއް އޮންނަތަން ފެނެއެވެ. އެހެން ވެރީންނަށް އަޅައެއް ނުލައެވެ. ފަހެ، މިނިސްޓްރީ އަކީ، އިދާރީގޮތުން ކަންކަމަށް ސިޓީ ޑްރާފްޓްކޮށް ލިޔެފޮނުވާ ތަނެއްގެ ގޮތުގައި އެކަހަރިކޮށް ލާފައި އޮންނަތަނެއް ގޮތުގައި ސިފަކުރެވުނެވެ.


އާދެ! މިނިސްޓަރ އަޅުގަނޑައި މިކަންތައް ހަވާލުކުރެއްވީ މިނިސްޓްރީ ތެރޭގައި އެމަސައްކަތް އަލުން ތައާރަފްކޮށް ފެށުމުގެ މާތް މަގްސަދުގެ ބޭނުމު ގައެވެ. އެމްއެންޑީއެފް ގައި ކުރިން އެޔުނިޓުގައި އިސްކޮށް އެމަސައްކަތުގައި އުޅުއްވި އޮފިސަރާއި އެހެން ދެއޮފިސަރެއް އަޅުގަނޑައި އެކުގައި އަލަށް މިއުފެއްދެވި ސެކްޝަނުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަވައި މިނިސްޓްރީ ތެރެއަށް ސާކިއުލަރ އެއް އެދުވަހު މިނިސްޓަރު ނުރުއްވި އެވެ.


ފަހެ، މިކަމާ ގުޅިގެން އެމިނިސްޓްރީގައި ހޭދަ ކުރަންޖެހުނު މަދު ދުވަސްކޮޅުގައި ބައްދަލުވުންތައް ބާއްވާއި ކުރިޔަށް ގެންދެވުނީ، ހަމަ ފަށައިގަތުމުގެ އިދާރީ ކަންކަމެވެ. ސެކްޝަން ހަދާނެ ވަކިތަނެއް ލިބުން ލަސްވީމައި މަސައްކަތް ހިންގުމަށް ހީނަރުކަމެއް ވަރަށްބޮޑަށް އޮތެވެ. އެހެނަސް ބޭރުގެ ކޯސްތައް ހޯދުމަށް ބޭރުގެ އެޖެންސީތަކާ ގުޅުން އުފައްދައި ހެދުނެވެ.


އަދި މިނސްޓްރީން އޮފިސަރުން ބޭރަށް ފޮނުއްވާ ހެދިއެވެ. އަޅުގަނޑު ވެސް އެމެރިކާގެ ހަވާއީގައި ހުންނަ ސައުތް ޕެސެފިކް ކޮމާޑްގެ ދަށުން ހިންގާ ސެކިއުރިޓީ ސްޓަޑީޒް ސްކޫލަކަށް، 4 ހަފްތާގެ ސެކިއުރިޓީ ކޯހެއް ގްރެޖުއޭޓް ފެނަވަރަށް ފުރިހަމަ ކުރުމަށް ދާންޖެހުނެވެ. މިކަންވީ ވަރަށް ފުރިހަމަ ތަޖްރިބާ އަކަށެވެ.


ގުރެޖުއޭޓުވި ސެޓިފިކެޓު
ގުރެޖުއޭޓުވި ސެޓިފިކެޓު

އާދެ! ދެން އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ދިރާސާ ކުރެވެމުން ދިޔަ ގާނޫނު ތަކަކީ، އުސް އިމާރާތްތައް އަޅާއިރާއި އަދި ތަޅާއިރު ސަލާމަތް ތެރިކަން ގެންގުޅުމުގެ ގާނޫނާއި ކެމިކަލްސް އެތެރެކޮށް ރައްކާތެރިކޮށް ގުދަންކޮށް ގެންގުޅުމުގައި ސަލާމަތް ތެރިކަން ދެމެހެއްޓުމުގެ ގާނޫނާއި ހޮނުއެޅުމުން ރައްކާތެރި ވުމުގެ ގާނޫނާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމާއި ސަލާމަތްތެރި ވުމުގެ ގާނޫނެވެ.


ހަފްތާއަކު އެއްބައްދަލުވުން ކަހަލަ ގޮތަކަށް ބައްދަލުވުން ބާއްވައި ޑްރާފްޓިންގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ. އިމިގްރޭޝަނުގައި ހުރިއިރު ވެސް މި މަސައްކަތްތަކުގެ މީޓިންތަކުގައި ކޮންޓުރޯލާގެ ހައިސިއްޔަތުން އަޅުގަނޑު ބައިވެރިވެ ހެދީމެވެ. ފަހެ، އޭގެތެރެއިން ދެގާނޫނެއް ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދި ފޮނުވުނެވެ. މާގިނަ މަސައްކަތްތަކެއް ނިންމާ ނުލެވެނީސް ވެރިކަމުގެ ދައުރު ނިމުމަކަށް އަތުވެއްޖެއެވެ. އަދި އެދޭތެރެއިން ރަސްމީ ދެތިން ދަތުރަކު ވެސް ރާއްޖެއިން ބޭރަށްދާން ޖެހުނެވެ.


ފަހެ، މޯލްޑިވްސް އިމިގްރޭޝަނުން، މިނިސްޓްރީ އޮފް ޑިފެންސަށް އަޅުގަނޑު ބަދަލުކުރީ، 24 މެއި 2012 ދުވަހުއެވެ.



ޑިފެންސްމިނިސްޓްރީއަށް ބަދަލުކުރެއްވި ފަތްކޮޅު
ޑިފެންސްމިނިސްޓްރީއަށް ބަދަލުކުރެއްވި ފަތްކޮޅު

ނޮވެންބަރު، 2013 ގައި ވެރިކަމުގެ ދައުރުނިމި، ރިޔާސީ އިންތިޚާބުގެ އޮއިވަރު ގަދަ، ސިޔާސީ ވަޔާއެކު ޖެހެން ފަށައިފިއެވެ. ސްޕްރީމްކޯޓައި ހަމައަށް ގޮސް އިންތިޚާބު ދެތިންފަހަރު މަތިން ބޭއްވި، ރައީސް ޔާމީނު ރާއްޖޭގެ ވެރިކަމަށް އިސްވެ އެންމެ ފުރަތަމަ ކަނޑާލި މީހުންގެ ތެރޭގައި އަޅުގަނޑު ވެސް ކަނޑާލާއި ބޭރުކޮށްލި އިރު، އަޅުގަނޑުގެ ވަޒީފާވަނީ، ރައީސް ވަހީދުގެ އެންމެފަހު ދުވަސްކޮޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ބަނގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަންގެ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.



ބަނގުލަދޭޝްގައި ހުންނަ ދިވެހިއެމްބަސީއަށް ބަދަލުކުރެއްވި ފަތްކޮޅު
ބަނގުލަދޭޝްގައި ހުންނަ ދިވެހިއެމްބަސީއަށް ބަދަލުކުރެއްވި ފަތްކޮޅު

އެކަންހިނގީ، 2008 ގައި ފެށުނު ވެރިކަމުގެ ދައުރުގެއެންމެ ފަހު ދުވަހުއެވެ. އަނެއްހެން އެންމެފަހު ދުވަސް ކަމުގައިވާ، 11 ނޮވެންބަރުގެ ފަހުން އެސަރުކާރު ދެމިއޮތް ދުވަސްކޮޅަކީ، ޝަރުއީ ދާއިރާއިން ގަދަބާރުން ދެންމި ދުވަސް ކޮޅަކަށް ވާތީ، އަޅުގަނޑު ހުރީ އޮޅުންބޮޅުމުގަ އެވެ. 10 ވަނަ ދުވަހުން ފެށިގެން އަޅުގަނޑު ހުރީ، ހަމަ ނަމަކަށް ހުރެވުނު މަގާމެއްގައެވެ. ބަންގާޅަށް ފުރުމުގެ ކަންތައް ހަމަޖައްސައި ނުދީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މާލޭގައި ބަހައްޓާފައި އެދުވަސްކޮޅުގެ މުސާރަ ވެސް ޖަމާކޮށް ނުދީ، އަޅުގަނޑު ކަނޑާލީއެވެ. އަދި ބަންގާޅުގައި ހުރި ދިވެހި ހައިކޮމިޝަން އުވާލެއްވީއެވެ.


ފަހުން ބަންގާޅު ހައިކޮމިޝަނުގައި އޭރު ހުންނެވި މުވައްޒަފެއް އަނބުރާ ނަގުދުފައިސާ ދީފައި ޑާކާއަށް ފޮނުވައިގެން، އެ ހައިކޮމިޝަން ވަނީ ގައިމުކޮށް އެންބަސެޑަރެއް ކަނޑަ އަޅުއްވާ ފައެވެ. އަދި ރައީސް ޔާމީނުގެ ކޯލިޝަން ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހަމަޖެއްސެވި ވަޒީރުވެސް ކަނޑާލެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އުވާލެއްވުމަށް ފަހުގައެވެ. އެހާ މަތީމަގާމުތަކުން އެކަށީގެންވާ ސަބަބެއް ނެތި ވަކި ކުރާ އިރު އެ މުއްއްސަސާއެއް، އެ އުވާލަނީ ވަކިކުރާމީހާއަށް އިތުރު މައްސަލައެއް އެއްވެސްތާކު ޖެއްސިޔަ ނުދޭށެވެ. ދައުލަތުގެ އޮނިގަނޑުގައި މުއްއްސަސާ ނެތުމުން ދެން މުވައްޒަފު އަދާކުރާނެ ޒިންމާ ވެސް ނެތުނީތާއެވެ.


ފަހެ، މިއީ ޚުދުމުޚްތާރު ޖައްބާރު ވެރިން ސިޔާސީ އާރުލާ މީހުން ކަނޑާލުމަށް އަޅަމުން ގެންދާ ވަރަށް ނުސީދާ ޒާތީ ހަސަދައިގެ ފިޔަވަޅެކެވެ. ހިތުތެރޭގައި އަނދައަނދައި އޮންނަ ޒާތީ އުދާސްތަކުގެ ރުޅިގަނޑުގެ ހަސަދަ ފިލުވާލަނީ، ދައުލަތުގެ ފައިސާއަށާއި އިމާރާތް ތަކަށެވެ. ވިސްނާލީމައި މިހެން ހިނގާފައި ހުރި ބައިވަރު މިސާލުތައް ހަނދާނަށް ގެނެވޭނެއެވެ. ރައީސްނަޝީދު އޭނާގެ ކޫސަނި ރުޅިގަނޑު ބޭލުއްވީ އެޓޮލްސް މިނިސްޓުރީ ހުރި އަމާރާތަށެވެ. އެތަން ތަޅާލީއެވެ. ޕާކެއްހަދާށޯލައެވެ. މިހުންނަނީ ދެރަކަންތަކެވެ!

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page