top of page

ޖަވާހިރުވާދީ އިލްޔާސްގެ ބަސްދީގަތުން. ސުވާލު ހައެއް

  • Writer: ilyashusein
    ilyashusein
  • May 14
  • 16 min read

މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާ މަތިވެރި މަސައްކަތެއްކަމެއް، މިހާތަނަށް އަދިވެސް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް އޭރުވެފައި ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމުން މި ސުވާލުތަކަށް ޖަވާބު ދިނީއެވެ.


ރައީސްނަޝީދުގެ ވެރިކަމުން ސޮފުހާއެއް:


ސ، ހައެއް: ރައިސް ނަޝީދު، 21 ފެބްރުއަރީ 2011 ގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، އިލްޔާސް ބަދަލު ކުރައްވާއި އެތާގައި ހުންނެވި ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝާހިދު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް، އިލްޔާސް ހުންނެވި މަގާމަށް ބަދަލުކޮށް އެބަދަލު ގެންނެވިއެވެ. މިބަދަލަށް ފަހު، އިލްޔާސް ވަނީ، އިމިގްރޭޝަން ޑިޕާޓްމަންޓާ ބެހޭ ބައެއް އިޝޫތަކަށް ވަރަށް ފާޅުގައި ވާހަކަ ދައްކާފައެވެ. އިމިގްރޭޝަނުގައި ހުންނެވި އިރު، އެވާހަކަތައް އެރާގަށް ނުދެއްކެވީ ކީއްވެތޯއެވެ؟ އަދި ރައީސް ނަޝީދު މަސައްކަތް ކުރެއްވީ، އިލްޔާސް އާއި އަބްދުﷲ ޝާހިދު އާ ދެމެދު ހަމަކޮށްތޯ، ގަބޫލު ކުރައްވަން ތޯއެވެ؟


މޯލްޑިވްސް މިމިގްރޭޝަނުން ޑިޒާސްޓަރމެނޭޖުމަންޓަށް:

 

ޖ، ހައެއް: މިސުވާލަށް އެންމެ އެކަށީގެންވާ ޖަވާބަކީ، 14 މާޗް 2011 ގައި އަޅުގަނޑު ރައީސް ނަޝީދަށް ތިޔަހޫނުގަނޑުގެ ތެރޭގައި ހުރިހާކަމެއް ހިމެނޭ ގޮތަށް، އަދި ހުރިހާ މަންޒަރެއް ސިކުނޑީގައި ތާޒާކޮށް ހަނދާނުގައި ހުއްޓައި ލިޔުނު ސިޓީއެވެ. އެސިޓީގައި، 21 ފެބްރުއަރީ 2011 ގައި އަޅުގަނޑުގެ މަގާމަށް، ރައީސް ނަޝީދު ގެންނެވި ބަދަލާއި އެބަދަލުގެ ކުރިއާއިފަހަތް ވަރަށް ހޫނުކޮށާއި ސާފުކޮށް ހިތުގެ އެންމެފުންމިނުން ތަފްސީލުކޮށް ގެނެސްދީފައި ވާތީ، އެ ސިޓީގެ ފައިނަލް ޑްރާފްޓް މި ސުވާލުގެ ޖަވާބަކަށް ވިދާޅުވެ ލެއްވުމަށް މިތާގައި ގެނެސް ދޭނަމެވެ. ވަރަށް ޝުކުރިއްޔާ!


ޑިޒާސްޓަރ މެނޭޖުމަންށް ބަދަލުކުރެއްވި ފަތްކޮޅު
ޑިޒާސްޓަރ މެނޭޖުމަންށް ބަދަލުކުރެއްވި ފަތްކޮޅު

ބިސްމިއްލާހިއްރަޙްމާނިއްރަޙީމް.

މ.ޖަވާހިރުވާދީ

މާލެ.

 

 

ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދަށް.


ވެދުން ސަލާމަށްފަހު ދަންނަވަމެވެ.


ސިޔާސީ ގޮތުން އަޅުގަނޑާ ދޭތެރޭގައި ކަންތައް ހިނގާދިޔަ ގޮތާމެދު، ދަންނަވާލަން ޖެހޭ މުހިންމު ވާހަކަތަކެއް ހުރުމުން މި ސިޓީލިޔަން އަޅުގަނޑަށް މަޖްބޫރުވީއެވެ. އަޅުގަނޑު ބޭނުންވީ ހޫނުކަން މަތީގައި މިވާހަކަތައް ސީދާ އަނގަބަހުން ރައީސް ނަޝީދުގެ ކުރިމަތީގައި އިނދެގެން ކިޔައިދޭށެވެ. އެހެނަސް އެފުރުސަތު އެއްގޮތަކަށް ވެސް މަނިކުފާނު އަޅުގަނޑަށް ނުދެއްވީއެވެ. ވަންހަނާކޮށް ފޮރުވިފައިއޮތް، އެކަމުގެ ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ ސީދާ މަނިކުފާނަށެވެ.


އަޅުގަނޑު ފޯނުންގުޅަން އެޅެއުޅެވެސް ފޯނު ނުނެންގެވީއެވެ. އަދި އެސްއެމްއެސްގެ ޒަރީއާއިން ދެތިން ފަހަރަކު ގުޅަން މަސައްކަތް ކުރުމުން ވެސް ޖަވާބެއް ނުދެއްވީއެވެ. މެޑަމްލައިލާ މެދުވެރިކޮށް އަޅުގަނޑު ފޮނުވި މެސެޖް ވަގުތުން އަންނިއަށް ރައްދުކޮށް ދެއްވި ވާހަކަ މެޑަމްލައިލާ ވިދާޅުވިއެވެ.


އަޅުގަނޑުގެ މަންމައައި ދެބެންގެދެދަރި މެޑަމްލައިލާ މެދުވެރިކޮށް ރައީސް ނަޝީދަށް ކުއްލި މެސެޖްފޮނުވަން ޖެހުމަކީ، މިއަދު މިގައުމުގެ ސިޔާސީ މަސްރަހުގެ ފެންވަރު އޮތްމިންވަރު ވަޒަންކުރެވޭ ރީތި މިސާލެކެވެ. އެއީ ވަރަށް ދެރަވަރުގެ ކަމެކެވެ. ރައީސް އޮފީސް މެދުވެރިކޮށް ކަމާބެހޭ ސެކްޝަނުގެ ވެރިޔާ، އަލްއުޚްތު ރުގިއްޔާއަށް ދެފަރެއްގެ މަތިން ދަންނަވައި ގެންވެސް އެޕޮއިންޓްމެންޓެއްގެ ޚަބަރެއް ނުވީއެވެ.


އަދި އަޅުގަނޑު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ބަދަލު ކުރުމަށް، ރައީސް ނަޝީދު ނިންމެވި ވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވާންވެގެން ރައީސް އޮފީހުން ގުޅުއްވި، ކެޕްޓަން އަބްދުﷲ ސައީދު އަރިހުގައި ހަމަ އެވަގުތު ރައީސް ނަޝީދާ ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުމޭ ދެންނެވުމުން، އަދި މިބަދަލު ގެންނެއުމުގެ ކުރިން ތިޔަކަންތައް ވެދާނެއޭ، އޭނާ އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ. އެވަގުތު އޭނާ އިންނެވީ ރައީސް އަރިހުގައިކަން ފަހުން އަޅުގަނޑަށް އެނގުނެވެ. އަދި ހަމަ އެހިންދު އަޅުގަނޑުގެ މިއެދުން ރައީސް ނަޝީދަށް ފޯރުކޮށް ދެވުނުކަން ވެސް އަޅުގަނޑަށް ފަހުން އެނގުނެވެ.


އެހެނަސް ރައީސް ނަޝީދު އަޅުގަނޑާ މިކަމުގައި ކުރިމަތިލައްވާއި ސީދާކޮށް ވާހަކަދައްކަވާ ލައްވަވަން ބޭނުންފުޅުވެ ނުލެއްވީ ސިއްރު ސަބަބުތަކެއް ފޮރުވިފައި ހުރެގެންނެވެ. އަޅުގަނޑު މިކަމާ ހެދި ނުލާހިކު ހިތާމަކުރީމެވެ. މިގައުމަށް މިވަނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ! އަޅުގަނޑަކީ މިއަދު މީހަކަށް ނުވިޔަސް މަނިކުފާނު އަރިހުގައި ވަށައިގެން ކޮރަޕްޓް މީހުންތަކެއް ނެތް ދުވަސްވަރު، އަޅުގަނޑަކީ ސިޔާސީގޮތުން ހިތްވަރުހުރި ކެރޭމީހެއް ކަމުގައި ބެއްލެވި ބެއްލެވުން މިހާރު ހަދުމަފުޅު ނެތުނީތީ ދެރަވީމެވެ. މިއީ މަނިކުފާނުގެ ފިނޑިކަމެވެ. ވެރިކަމަށް ތަސައްރަފު ނުފުދޭކަމެވެ. އަދި ތަޖްރިބާގެ މަދުކަމެވެ. ނުވަތަ އަބުރުވެރިކަމާއި ކިބުރުވެރިކަމުގެ އަލާމާތެކެވެ.


އަދި މިފަދަ ކަންކަމީ މަނިކުފާނުގެ ހަލާކުކަން ގަބޫލު ކުރައްވާށެވެ. އަޅުގަނޑާ ސީދާކޮށް ވާހަކަ ދައްކަވާލައްވަން ކެރިވަޑައި ނުގަތީއެވެ. އަޅުގަނޑަށް ޔަގީނެވެ. ކޮންމެވެސް ސަބަބެއް ފަހަތުގައި ވަންހަނާކޮށް އޮންނާނެއެވެ. ކޮރަޕްޓު، ފަސާދަ ބައެއްގެ ދަށުވެ މިހާ މިންވަރަށް މަނިކުފާނު ގެނބިގެން ދާނެކަމުގައި މީގެކުރިން ދުވަހަކުވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.


ފަހެ، މިކަމުން އަޅުގަނޑުގެ ޒަމީރަށް ސާބިތުވެގެންދިޔަ އެންމެބޮޑު ދަލީލަކީ، ކުރިންވެސް އަޅުގަނޑު ހީކުރިގޮތަށް އިމިގްރޭޝަނުން އަޅުގަނޑު ބޭރުކުރުމުގެ މަސައްކަތްތައް އެކިސިފަސިފާގައި އެކިއެކި ފެންވަރުގައި އެކިބައްޓަމަށް ރާއްވަވަމުން ގެންދެވި ގެންދެވުމުގެ އެންމެ އަޑީގައި، މުގުލުގައި ހުންނެވީ ސީދާ މަނިކުފާނުކަމެވެ.


ދިވެހިރާއްޖޭގައި އުފެދުނު އިސްލާހީ ހަރަކާތް ކަމުގައިވާ، އެމްޑީޕީ ސާފުސީދާ މަގުންކެހި ކޮރަޕްޓް މީހުންގެ ނުފޫޒު ޕާޓީތެރޭގައި އާރުލާ ގަދަވެ، އެމްޑީޕީ ހަރަކާތް ކަޅުއަނދިރީގައި މަންމަގެ ބަނޑުތެރޭގައި އޮތް ދުވަސްވަރާއި އުފަންވެ ޅަފަތުގައި ކުރިމަތިލާން ޖެހުނު ހުރިހާ އުނދަގޫދަތި މަސައްކަތެއްގައި ހިތްވަރުކޮށް، ކޮރަޕްޓު މީހުންނާ ހަމައަށް މިހަރަކާތް ވާސިލުވުމާ ހަމައަށް، ކުރަންޖެހުނު ހުރިހާކަމެއް ކުރުމުގައި ރެއާއިދުވާލާ އެކުގައިހެން، އެމްޑީޕީ އޮފީހާ ހަވާލުވެގެން އަޅުގަނޑު ހުއްޓާ، އެ އޮފީސް ތެރެއިން ނެރެބޭރުކޮށް ލުމަށް ވެސް މަނިކުފާނު ބޭނުން ކުރެއްވީ، ހަމަ މިކަހަލަ ނާތަހުޒީބު އަދި ދަށުދަރައިގެ ކަންތަކެއް ނޫންތޯއެވެ! ހަދުމަފުޅަށް ގެންނެވުމުން ހަނދުމަފުޅަށް ގެންނެވޭނެ ކަން ކަށަވަރެވެ.


ފަހެ، މާފަންނު ޔާގޫތުގޭގައި ގޭބަންދުގައި އިންނަވައިގެން އެމްޑީޕީ އޮފީސް އަޅުގަނޑު ލައްވާ ހިންގެވި ދުވަސްވަރު ހަދުމަފުޅަށް ކުޑައިރުކޮޅަކަށް ގެންނަވާށެވެ. އޭރުން މިކަންތަކާއި މިމަންޒަރު ހަދުމަފުޅަށް އިއާދަވާނެކަން ކަށަވަރެވެ. އެދުވަސްވަރު އެ އޮފީސްތެރެއިން އަޅުގަނޑު ބޭރުކޮށްލުމަށް ބޯގަންވިލާ އިބުރާމެން ކަހަލަ އަމިއްލައެދުމުގެ ބަޔަކު އެރުވި ވަސްވާހާއި އެދުނު އެދުމަށް އެމްޑީޕީ އޮފީސްތެރެއިން އަޅުގަނޑު ބޭރުކުރުމުގެ މަސައްކަތް ވެސް ގެންދެވީ ހަމަ މިގޮތަށެވެ. އެމްޑީޕީގެ ރައީސްކަމަށް ކުރިމަތި ލެއްވި، ޑޮކްޓަރ ވަހީދަށް ކުރެވުނު ސިޔާސީ ޖެއްސުމެއްގެ ގޮތުގައި ހަމަ މިބީދައިން ކަތިލާލެވުނީ އަޅުގަނޑެވެ. އެއްވެސް ތަފާތެއް ނެތެވެ. އަޑިއަޑިން ނުސީދާ ރޭވުންތަކެއް ރާއްވަވައި ގެންނެވެ.


އަދި އެއަށްފަހު އަޅުގަނޑު ކުރިމަތިލި މަގާމަކަށް ލާދީނީ އެންހެނަކު ލައްވާ ކުރިމަތި ލައްވާއި ސަޕޯޓްދީގެން އަހުރެން ގަސްދުގައި ފެއިލް ކޮށްލީއެވެ. އިމިގްރޭޝަނުން އަޅުގަނޑު ބޭރުކުރުމަށް ވެސް ތިޔަރޭއްވެވީ، ހަމައެފަދަ މުޑުދާރު ގޮތްކުޑަ ރޭވުމެކެވެ. ޒަމާނާ ގުޅޭގޮތަށް މިއަށްވުރެ ތަހުޒީބުކޮށް، ސީދާމަގުން އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅެއް އަޅުއްވަން ކެރިވަޑައި ނުގަންނަވައިގެން ތިޔައުޅުއްވާ ސަބަބަކީ ކޮބައިތޯއެވެ! ފަހަރުގައި އޭގެ ސިއްރަކީ، އަޅުގަނޑުމެން ދެމީހުންނަށް އެކުގައި ކުރެވިފައި ހުރި ގައުމީ މަސައްކަތްތައް އަދިވެސް ބައެއް ފަހަރު ހަދުމަފުޅަށް އައުންކަމުގައި ފަހަރުގައި ވެދާނެއެވެ.


މިގޮތަށް ސިޔާސީ ކަތިލުންތައް އޮފްދާރު ގޮތަކަށް ކަތިލެއްވުމުގެ ބަދަލުގައި ސީދާ ކަތިލެއްވުމަކުން ކަތިލެއްވުމަށް އަޅުގަނޑު މިހުރީ، އަޅުގަނޑުގެ މައުސޫމް ހަށިގަނޑުގެ ނޭވާހޮޅި ކަމުގައިވާ ކަރުދިއްކޮށްގެން ތައްޔާރަށެވެ. ކެރިވަޑައި ގަންނަވަންޏައި މަނިކުފާނުގެ އަތްޕުޅުން ކަތިލެވޭށެވެ. އެއްވެސް ޖެހިލުމެއް ބިރެއް ނެތިއެވެ. އިސްތިއުފާ ދީފައި ފަހަތަކަށް ނުޖެހޭނަމެވެ.


މަނިކުފާނުގެ ސަރުކާރަކީ އަޅުގަނޑުގެ ވެސް ހިއްސާއޮންނާނެ ސަރުކާރެއްކަން އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަމެވެ. އައްޝައިޚް މުހަންމަދު ޝަހީމު އަލީސައީދު ބްލެކްމެއިލްކޮށް ޕޮލިސް ހެޑްކުއާޓަޒަށް ހާޒިރުކޮށް ބިރުގަންނަވާލާއި އިސްތިއުފާއަށް މަޖްބޫރު ކުރެއްވިޔަސް، އަޅުގަނޑަކީ، އެފާޑަށް އިސްތިއުފާ ދީފައި ފަހަތަށްޖެހޭނެ ފިރިހެނެއް ނޫނެވެ.


ނުސީދާކޮށް ގާނޫނީގޮޅިއަކަށް ފައްތާލައިގެން ޝަރުޢީހުކުމެއް އިއްވާލެވޭތޯ ބެލުމަކީ، މާޒީވެފައިވާ ހަޑި ހުތުރު ސަގާފަތެކެވެ. މިހާރުގެ ޒަމާނީ ލިބަރަލް ޑިމޮކްރަސީގައި އެއީ ކުރެވޭނެ ކަންތަކެއް ނޫނެވެ. މުޑުދާރު ކަންތަކެވެ. ކެރިވަޑައި ގަންވަންޏާ ކަނޑާލައްވާފައި މަގުމަތީގެ ސިޔާސީ ހަރަކާތަށް މަޖްބޫރުކޮށް ފޮނުއްވާ ލައްވާށެވެ. މަނިކުފާނުގެ ސަރުކާރު ތެރެއިން ބޭރުކޮށް ލައްވާށެވެ.


ފަހެ، އެއީ ކުރިންވެސް ދިވެހި ގައުމަށްޓަކާ އަޅުގަނޑު ކުރި މަސައްކަތެވެ. އެއީވެސް ގައުމީ ޖިހާދެކެވެ. އެއިރެއްގައި އޮންނަ ސަރުކާރެއް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އެއީ އަޅުގަނޑު ޖިސްމުގެ ކާނާއެވެ. ހަކަތައެވެ. ފުރާނައެވެ. އުފަލެވެ.


ފަހެ، ދަންނާށެވެ! ހަޑިމުޑުދާރު މަޖްބޫރަކުން ގަދަކަމުން މަޖްބޫރު ކުރުއްވައިގެން އެފަދަކަމެއް އަޅުގަނޑު ނުކުރާނެކަން، އެންމެކުރިން ދަންނާނެ ބޭފުޅަކަށް ވާންޖެހޭނީ، ސީދާ މަނިކުފާނެވެ. އަޅުގަނޑު މެންނަކީ ހުރިހާ ހާލަތެއްގައި ވެސް އެކުގައި އެއް ހަށިގަނޑެއް ހެން އުޅެފައި ތިބި އެކުވެރީންނެވެ.


މަނިކުފާނުގެ ހިތްވަރާއި ކެރުމުން، ދިރުންގެނެސް ދެއްވި އިސްލާހީ ހަރަކާތުގައި މަނިކުފާނުގެ އެންމެގާތް އެއް އެކުވެރިޔަކަށް، އެންމެ ބޭނުންވި ދުވަސްތަކުގައި އަތްފޯރާފަށުގައި އަމަލީގޮތުން ގުރުބާން ވުމަށް އަބަދުވެސް ހުރީ އަޅުގަނޑަށް ވީތީވެ، ގަންނަ ލަދުފުޅުން ތިޔަރާއްވަވާ ކަހަލަ ސިޔާސީ ރޭވުންތަކާއި ސިޔާސީ ކަތިލެއްވުންތައް މިއަދު، ރާއްވަވަން ޖެހިވަޑައި ގަންނަވަނީ ކަމުގައި ވެދާނެއެވެ. މަނިކުފާނު އަރިހުގައި ތިއްބެވި ކޮރަޕްޓް ބޭބޭކަލުންގެ ރޭވުމަކަށް ވާތީ އަދި ހައްޕު ވިދާޅުވެގެން، މަޑުން ހުންނަވަން ޖެހިވަޑައި ގަންނަވަނީ ކަމަށްވެސް ވެދާނެއެވެ.


ފަހެ، ދަންނާށެވެ! މިފަދަކަމެއް ފަހަތުގައި ފޮރުވިފައި ނެތްނަމަ އެހެން މީހުންނެކޭ އަޅުގަނޑެކޭ އެއްވެސް ތަފާތެއް އޮވެގެން ނުވާނެއެވެ. ކުޑަދަހަރާގޭ އަލްފާޟިލް މުހަންމަދު ރަޝީދު، ކުޑާއަށް ހައްދަވާލެއްވި ގޮތް ވަގުތުން އަޅުގަނޑަށް ވެސް ހައްދަވާ ލައްވަންވީ ނޫންތޯއެވެ! އެހެނަސް އަޅުގަނޑާ ދޭތެރޭގައި އަބަދުވެސް މަނިކުފާނު ތިޔަގެންދަވަނީ ބޭރުފުށަށް ވަރަށް އޮފުދާރުކޮށް އޮފުކަން ވަރަށް ގަދަކޮށް އެހާމެ އޮމާންކޮށް ސާފުކަން ދައްކަވާއި ފޮރުވިގެން އެންމެއަޑީގައި ހުންނަވައިގެން، ބޮޑެތި ސިޔާސީ ރޭވުންތައް ސިއްރިއްޔާތުގައި ރާއްވަވައިގެން ސިޔާސީ ކަތިލެއްވުންތައް ކަތިލައްވަވަމުންނެވެ. ތިޔަ ގެންދަވާ ގޮތް ގޯހެވެ.


ފަހެ، މިއީ ވަރަށް ނުލަފާ ނުބައިކަންބޮޑު ސިފައެކެވެ. ﷲ ލައުނަތް ލައްވާފައިވާ ސިފައެކެވެ. ފަހަތުން ބުރަކަށްޓަށް ޚަންޖަރުޖެހުން ކަހަލަފިނޑި ކަމެކެވެ. އެންމެ އަނިޔާވެރި ޖާނީ ދުޝަމަނުން ހަދާހެން ރީތިޒަހަރެއް ދީގެން މަރާލުން ފަދަ އަމަލެކެވެ. މިއީ އެއްގޮތަކަށް ވެސް، ތެދުވެރި ސިޔާސީ މީހުން ކުޅޭ ކަހަލަ ކުޅިއެއް ނޫނެވެ.


ފަހެ، ދަންނާށެވެ! ތިޔަވެރިކަމުގެ ނިމުން ހިތިވާނެއެވެ. އަސަރުތަކެއް ހުންނާނެއެވެ. ތިޔަސިފަތައް ބަދަލުކުރައްވާއި އަޅުގަނޑުމެން އިސްލާހީ ހަރަކާތްފެށި އިރު ގެންގުޅުނު ވިސްނުމަށް އަނބުރާ އަވަހަށް ރުޖޫއަވެ ވަޑައިގަތުމަށް އާދޭހާ އެކު ދަންނަވަމެވެ. އާދޭސް ކުރަމެވެ. އެނޫން ގޮތަކުން ކާމިޔާބު ފެންނާކަށް ނެތެވެ. ގައުމު އިސްލާހު ކުރެވޭކަށް ނެތެވެ. އުދަރެސް ބަނައެވެ.


ރައީސް ނަޝީދެވެ! މަނިކުފާނަށް ވަރަށް ރަނގަޅަށް އަޅުގަނޑަކީ ކޮރަޕްޝަނާއި ފަސާދައައި ދުރު ގައުމީ މީހެއްކަން އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑަކީ ބައެއްގެ މުށުތެރެއަށް ގަދަކަމުން ވައްދާއި ފިއްތާލާއި އެބައެއްގެ ކޮރަޕްޝަނުގެ އޮއިވަރާއި މަޖަލުގެ ޖާދޫގައި ޖެހިގެން، އަޅުގަނޑުގެ ދީނީއަގީދާއާއި އަޅުގަނޑުގެ ގައުމިއްޔަތާއި އަޅުގަނޑުގެ ދިވެހިއްޔަތު ދޫކޮށްލާއި ނަފްސު ނަގާލާނެ މީހެއްނޫނެވެ. ކޮރަޕްޓް މީހުންގެ މާއްދިއްޔަތަށް ހެއްލިގެން ދާނެމީހެއް ނޫނެވެ. އެއަށްވުރެ ރޫހާނިއްޔަތަށް އަހުލުވެރި މީހެކެވެ. އަޒުމް ވަރުގަދަ ވާނެއެވެ. ނިޔަތް އިޚްލާސްތެރި ވާނެއެވެ. ދިވެހި ގައުމުދެކެ ލޯބިވާނެއެވެ. އަޅުގަނޑު އަބަދުވެސް މަސައްކަތްކޮށް، ބަލަމުންގެންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މަނިކުފާނު ހަވާލުކުރައްވާ ވަޒީފާއެއް ދިވެހި ގައުމަށްޓަކާ އަދާކޮށް ދެވޭތޯއެވެ. ހުވަޔާއި ފަތްކޮޅުގައި ލިޔެފައި ވާގޮތަށް އަމަލު ކުރުމުގައި ދެމި ހުންނާށެވެ.


މަނިކުފާނަށް، ﷲ ގެ އިރާދަފުޅުން ދިވެހިގައުމުގެ މުއްސަނދި ކަމުން ފުރިގެންވާ ވަރުގަދަ ތަޚުތުގެ ހުންގާނު، ދުނިޔެ ނުލާހިކު ނާޒުކު ދުވަސްވަރެއް ކަޑަތު ކުރަމުންދާ ދަނޑިވަޅެއްގައި މިންވަރު ކުރެއްވުމާ އެކު، އަޅުގަނޑާ ކޮންމެ ގޮތަކުން ނަމަވެސް ހަވާލުކުރެއްވީ ވަރަށްބޮޑު ޒިންމާއެކެވެ. އެކަމާޝުކުރު ވެރިވަމެވެ. އެއީ ވަރުގަދަ ތަންފީޒީ މަސްއޫލިއްޔަތެކެވެ. ގައުމުގެ ސަލާމަތާ ގުޅިފައިވާ މުހިންމު މުއައްސަސާއެއްގެ ވެރިކަމެވެ. މުޅި ރާއްޖޭގެ ފާރަވެރި ކަމެވެ. ދިވެހި ގައުމުގެ ދޮރާށިތައް ބެލެހެއްޓުމެވެ. ސަރަހައްދީ ރޮނގު ހިމާޔަތް ކުރުމެވެ. ރާއްޖެއެތެރެވެ، އަދި ބޭރުވާ ހުރިހާ ފަރާތްތަގެއްގެ އެންމެހާ ކަންތައް ބެލެހެއްޓުމާއި މައުލޫމާތު ރައްކާކޮށް ސަލާމަތްތެރިކޮށް ބަލަހެއްޓާއި އެއްކުރުމުގެ ވާޖިބުތަކެވެ. އަދި މިއީ ގައުމީ ސަލާމަތާ ސީދާކޮށް ގުޅޭ ޒިންމާދާރު މަސައްކަތެއްކަން ކަށަވަރެވެ. ކޮންމެ ހެންވެސް ގައުމީވަންތަ މީހަކާ ހަވާލުކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ.


ފަހެ، ދަންނާށެވެ! މިޒިންމާދާރު ބުރަމަސައްކަތް، އަޅުގަނޑު ގެންދިޔައީ ފުރަތަމަ ހުވާކުރި ދުވަހުން ފެށިގެންވެސް، އެއްވެސް މީހެއްގެ މޫނަކަށް، ކަނދުރާއަކަށް، ނަސަބަކަށް، ކުލައަކަށް ނުބަލާއި ސީދާ އެކަމަށް، ރަތްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައި އޮތް، ގާނޫނާއި އެގާނޫނުގެ ދަށުން އަޅުގަނޑާ ހަވާލުވިފަހުން ހަދާއި ގެޒެޓްކޮށްފައިވާ ގަވާއިދުތަކަށް ނަޒަރުކޮށް ބަލައިގެންނެވެ. ސިޔާސީގޮތުން އަންނަ ނޫފޫޒުތަކާއި މަހުޖަނުންގެ ބާރުތަކަށް އެއްވެސް ބެލުމެއް ނެތިއެވެ. އަޅާލުމެއް ނެތިއެވެ. ފަރުވާއެއް ނުކޮށެވެ.


މިއީ ތެދެއްކަން އަޅުގަނޑުގެ މައްޗަށް އިސްކޮށް ހުންނެވި، އަޅުގަނޑުގެ ކަންތައް ބެލެހެއްޓެވި ދެވަޒީރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އަދި އަޅުގަނޑާ އެންމެކާރިން މަސައްކަތް ކުރަމުން ގެންދެވި، އެމްއެންޑީއެފާއި ފޮލިސް ސަރވިސްގެ ކޮމިޝަނަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އެކަމުގެ ހައްގުތައުރީފު ލިބެންޖެހޭ ފަރާތްތަކުން މިހާރުވެސް ދަނީ، ހުރަހެއްނެތި އަޅުގަނޑަށް ލިބެމުންނެވެ. ﷲ ހައްގަށް ނަސްރުދެއްވަނީ މިބީދައިންނެވެ.


ފަހެ، ހަގީގަތާއެއްގޮތަށް ތެދެއް ދަންނަވަނީނަމަ، ކޮންމެބޭފުޅަކަށް ވިޔަސް، ދަންނަވަން މަޖްބޫރުވެ ވަޑައި ގަންނަވާނީ އަޅުގަނޑުގެ މިބަދަލު ކުރުމަކީ، ބަޔަކުމީހުން ފޮރުވިގެން އަޑީގައި ތިބެގެން އިންތިހާއަށް ރޭވިގެންހިންގި ސިޔާސީ ކަތިލުމެއް ކަމަށެވެ. އަޅުގަނޑުގެ ފަރާތުން ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރެގެން ކުރެއްވިކަމެއް ނޫންކަމަށެވެ.


އަޅުގަނޑުގެ ފަސްބައިގައި ކޮރަޕްޝަނުގެ ދަމިލަޖަހާއި މުޑުދާރުވެގެން ރާއްޖެއިން ކޮރަޕްޝަން ފޮހެލައްވަން ވެގެން މަނިކުފާނު، އެޅުއްވި ފިޔަވަޅެއް ނޫންކަން މަނިކުފާނުގެ ދަށުން މަސައްކަތް ކުރައްވާ ކޮރަޕްޓް މީހުންނާއި ޕަޕެޓް އެކްޓިވިސްޓުންގެ މަދުބަޔަކު ފިޔަވާ، އެހެންހުރިހާ ދިވެހިންވެސް ރަނގަޅަށް ދަންނާނެއެވެ. އަދި އެކަމަށް ހެކިވާނެއެވެ.


އާދެ! އެންމެ ދެއަހަރު ދުވަހަށް ބަލާއިރު ދިވެހި އިމިގްރޭޝަނަށް އައިސްފައިވާ ބޮޑުބަދަލު އެނގިލައްވާނީ އެކަންދަންނަ މީހުންނަށެވެ. ގާތުންބަލަމުން ގެންދިޔަ އިޚްލާސްތެރި މީހުންނަށެވެ. އިމިގްރޭޝަނުގެ ހީވާގިކެރޭ އޮފިސަރުންނަށެވެ. އެ އޮފިސަރުންނަށް އަޅުގަނޑު މަރްހަބާ ދަންނަވަމެވެ. ދެއަހަރު ދުވަހުގެ ތެރޭގައި މީގެކުރިން ދުވަހަކުވެސް އިމިގްރޭޝަނަށް ނުލިބޭފަދަ ކުރިއެރުން ތަކާއި ތަޖްރިބާތަކާއި ކޯސްތަކާއި އެކިއެކި އާލާތްތައް ހުންނާނީ އިމިގްރޭޝަނަށް ލިބިފައެވެ.


އަދި މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (އެމްއައިބީސީއެސް) އެމްޑީޕީގެ އެކްޓިވިސްޓުންގެ މަދުބައެއްގެ ހުތުރު ދަލުގައި ނުޖެހި ކުރިޔަށް ގެންދެވުނު ނަމަ، އެސިސްޓަމުގެ މީރުކަމާއި ފޮނިކަން މިހާރު ދިވެހި ރައްޔިތުންނަށް ލިބިގެންދާނެކަން ކަށަވަރެވެ. މިހިނގާ މާޗްމަހުތެރޭގައި އެޚިދުމަތް ލިބެންފެށީހެވެ. ހުރިހާ ޝަރަފެއް އޮންނާނީ މަނިކުފާނަށެވެ. ހުޅުވައި ދެއްވާނީ މަނިކުފާނުގެ އަތްޕިޅުންނެވެ. ދިވެހި އިމިގްރޭޝަނަށް އާއުޖާލާކަމެއް ގެނެވުނީހެވެ.


އަމިއްލަ އޮފީހާއި އަމިއްލަގޭގައި ތިބެގެން އިންޓަރނެޓް މެދުވެރިކޮށް ވޯރކްވިސާ ފީދެއްކުނީހެވެ. ފަތިހުހޭލާ ތިބެގެން ކިޔޫހަދައިގެން ނަންބަރު ނަގާކަށް ނުޖެހުނީހެވެ. ބިދޭސީ މަސައްކަތުމީހާ ރާއްޖެއެތެރެވާ ހިސާބުން، އެއަރޕޯޓުން އެމީހުންނަށް އިމިގްރޭޝަން އައިޑީކާރޑު ދޫކުރެވޭނެ އެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ގޮތްނޭނގޭ ބިދޭސީއަކަށް ނޫޅެވޭނެއެވެ. އަދި ދުވަހަކުވެސް ލިބިފައި ނެތްވަރަށް އިމިގްޝަން ދާއިރާގެ ޗީފުންފަންތީގެ އޮފިސަރުންނަށް ބޭރުގެ ތަޖްރިބާތައް ހުންނާނީ ފޯރުކޮށް ދެވިފައެވެ.


އަދި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި އޮފިސަރުން ތާޒާކުރުމުގެ ކޯސްތައްވާނީ ހިންގިފައެވެ. އަދި ހަމަ އެސަރުކާރުގެ އެހީގައި ހިއުމަންޓްރެފިކިންގ ގާނޫނެއް އެކުލަވާލުމުގެ ފުރަތަމަ ދެލިކޮޕީ މިހާރުވާނީ ތައްޔާރު ކުރެވިފައެވެ. އަދި މީގެއިތުރަށް، އިތުރު އެހީތައް ވެސް އިމިގްރޭޝަނަށް މިއަހަރު ތެރޭގައި ލިބިގެން ދާނެއެވެ. މިއީ އިމިގްރޭޝަނުގެ ހީވާގި އޮފިސަރުންގެ އެއްބާރު ލެއްވުމުގެ ކާމިޔާބު ނަތީޖާއެވެ.


ފަހެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް ހަދާނިންމާއި ގިނަގަވައިދުތައް މިހާރު ހުންނާނީ ގެޒެޓްކުރެވި، އަމަލުކުރަން ފަށާފައެވެ. މިކަމުގެ އަގު ހޯމްމިނިސްޓްރީން ކުރާނެކަން ޔަގީނެވެ. އަދި ކޮރަޕްޝަނަށް ފަހިވާގޮތަށް އިމިގްރޭޝަނުގައި ހުރިގިނަގުނަ މަގުތައްވާނީ ބަންދު ކުރެވިފައެވެ.


މީގެކުރިން އިމިގްރޭޝަނަކީ، އެއްމުއައްސަސާ އެއްގެ ތެރެއިން މަދުމީހުންކޮޅެއް ވެގެން، އެންމެގިނައިން ކޮރަޕްޝަން ހިނގަމުންދިޔަ އެއްތަނަށެވެ. އިމިގްރޭޝަނުގެ މަތީފެންވަރު ވެރިއެއްގެ މަސްލަހަތު އޮންނަ ރެކްރޫޓީންގ އެޖެންސީއަކުން ހިންގަމުން ގެންދިޔަ ކޮރަޕްޝަންތައް ހުންނާނީ ހުއްޓުވާފައެވެ.


އަދި އިމިގްރޭޝަން ތެރެއިން ނާޖާއިޒު ފައިދާތައް ނަގަމުން ގެންދިޔަ ގިނަދޮރުތަކަށް ހުންނާރީ ކެރިގެން ހުރަސް އަޅާފައެވެ. ބަންދުކޮށްފަ އެވެ. އެވެރިޔާ އިމިގްރޭޝަން ތެރޭގައި ހިންގަމުން ގެންދިޔަ ގިނަކަންތަކަކީ އިމިގްރޭޝަނުގެ ގިނައޮފިސަރުން، ވަރަށް ރަނގަޅަށް ދަންނަ ހަގީގަތެކެވެ. އަދި އޭނާއަކީ އިމިގްރޭޝަނުގައި މިހާރު ބޭނުންކުރާ ސިސްޓަމުގެ ސިއްރުތައް ވަރަށް ރަނގަޅަށް ދަންނަ، އެސިސްޓަމަށް ބޭނުންވާ ބަދަލުތައް އަމިއްލައަށް ގެންނަން ދަންނަ ބޭފުޅެކެވެ.


އަދި އަޅުގަނޑަށް އެހީތެރިވުމަށް ސިޔާސީ މަގާމެއްދެއްވައި އިމިގްރޭޝަނަށް ފޮނުއްވެވި، ހއ.ދިއްދޫ ބޭފުޅާ އިމިގްރޭޝަނާ ގުޅުންއޮންނަ އައްޑުއަތޮޅު އަންހެނަކާ ގުޅިގެން “އެލޯ މޯލްޑިވްސް” އޭކިޔާ ރެކްރޫޓިން އެޖެންސީއެއް ހިންގައެވެ. އިމިގްރޭޝަނުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް ހެސްކިޔާފަ ހިންގަންއެވެ. މީނާގެ މައްސަލަތަކަށް ބެއްލެވުމުން މީނާއަކީ، ކޮރަޕްޓް އިންސާނެއްކަން މަނިކުފާނަށް ވެސް އެނގިވަޑައި ގަންނަވާނެއެވެ. މީނާއާ ގުޅިގެން ރަސްމީކޮށް އަޅުގަނޑު ރައީސް އަރިހަށް ފޮނުވި އެއްވެސް ސިޓީއަކަށް މަނިކުފާނު އަޅާލައްވާ ފައެއް ނެތެވެ.


ދިވެހި ގައުމަށްވުރެ އޭނާގެ ކޮރަޕްޝަނުން ހޯއްދެވި ރީދޫގޮނޑިތަކަށް އިސްކަން ދެއްވީއެވެ. އިމިގްރޭޝަނުގެ ތެރޭގައި އުފެއްދި ހުރިހާ ނުބަޔަކާއި ފިތުނައެއް އުފެއްދީ އޭނާ އިސްކޮށް ހުންނަވައިގެން، ސިވިލްސާވިސްގެ އިސްމަގާމުގައި ތިއްބެވި ދެމީހަކު ލައްވާއެވެ. ހިތްވަރު ދީގެންނެވެ. މީގެތެރެއިން އައިޓީ އެސްޕާޓަކީ، އިމިގްރޭޝަން ތެރެއިން ނާޖާއިޒު ފައިދާ ލިބިގަނެގެން އަމިއްލަ މަސްލަހަތު އޮންނަ ކުންފުނިތައް އުފައްދާފައިވާ މީހެކެވެ.


އަދި އިމިގްރޭޝަނުގެ ފައިސާއިން ގިނަމުއްދަތަށް ކިޔަވަން ބޭރުގައި އުޅުއްވާފައިވާ މީހެކެވެ. އެފަދަ ކުންފުނިތަކަށް ގަވާއިދައި ޚިލާފަށް އިމިގްރޭޝަނުގެ މަސައްކަތްތައް ނާޖާއިޒު ގޮތުގައި ދީފައި އެބަހުއްޓެވެ. މީގެތެރޭގައި ހާޒިރީ ބަލަހައްޓަމުން ގެންދާ ސޯފްޓްވެއަރ ހެއްދުމާއި އައިޓީއާގުޅޭ އެހެނިހެން ބައެއްކަންތައް ހިމެނެއެވެ.


ފަހެ، މިފަދަ ކޮރަޕްޝަނާގުޅޭ ކަންތައް އިމިގްރޭޝަން ތެރޭގައި ހިންގުމުގައި ތިބިބޭފުޅުން ނަކީ މިދެންނެވި މަދުމީހުން ނެވެ. އޭގެތެރެއިން އެކެއްގެ މައްސަލަތައް އޭސީސީއާއި ޕޮލިހަށް ހުށައެޅުމުން ވެސް ކުރިޔަށް ދާގޮތްވަނީ ނުވެފައެވެ. އެއަށް ވުރެ އެ މީހުންގެ ބާރުގަދައެވެ. ފުލުހުންގެ ކޮމިޝަނަރ ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރ މުނީރު އަރިހުގައި ސީދާ އަޅުގަނޑު މިވާހަކަ ދެންނެވުމުން ވެސްވަނީ، ކުރިޔަށް ނުގޮސްފައެވެ. ހަމަ ކޮންމެ ވެސް ހިސާބަކުން ހުއްޓެނީއެވެ. އަދި މިވާހަކަތައް ވާނީ ހޯމްމިނިސްޓްރީއާއި މިނިސްޓަރާ ހަމައަށް ވެސް ގެންގޮސްފައެވެ. އަޅުގަނޑުގެ ވާޖިބު އަދާކުރުމުގެ ގޮތުން، މިފަދަ ކޮރަޕްޝަންތަކުގެ ވާހަކަތައް ވާނީ އޭސީސީއަށް ވެސް އަންގާފައެވެ.


އިމިގްރޭޝަނުގެ ހީވާގި އެހެން ވެރިންނަށާއި ޗީފުން ފެންވަރުގެ އޮފިސަރުންނަށާއި ބައެއް ޖޫނިޔަރ އޮފިސަރުންނަށް ވެސް އަޅުގަނޑު މިދަންނަވަނީ ތެދު ހަގީގަތްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިމިގްރޭޝަނުގެ މުވައްޒަފުންނަކީ ވަރަށްހީވާގި މަސައްކަތަށް ކުޅަދާނަ ހުނަރުވެރި އޮފިސަރުން ތަކެކެވެ. އެމީހުންގެ ގައުމީ ޚިދުމަތަށް އަޅުގަނޑު އަބަދުވެސް، މުޅިއުމުރުގައި ވެސް ފަޚުރުވެރި ވަމެވެ. ހެޔޮހިތުން ސަލާންކުރަމެވެ. ދުއާދޭނަމެވެ.


އެ އޮފިސަރުނާއެކު ހޭދަކުރެވުނީ ފަޚުރުވެރި ގައުމީ ޚިދުމަތެއްކަން އަބަދުވެސް ހަދާން ކުރާނަމެވެ. ﷲ އެ ޚިދުމަތްތަކުގެ ސަވާބު ދެއްވާށިއެވެ! އިމިގްރޭޝަން މުޅިން ހަމައަކަށް އަޅުވައި ކޮރަޕްޝަން ނައްތާލުމަށް މިދެންނެވި ކޮރަޕްޓު ބޭފުޅުން އެ މުއައްސަސާއިން ބޭރުކުރަން ޖެހޭ ވާހަކަ މިދަންނަވަނީ، މިނިކުފާނު އަރިހުގައި ވަރަށް އިޚްލާސްތެރި ކަމާއެކު ތެދުވެރިކަން މަތީގައި ހުރެގެން ގައުމަށް ޓަކައެވެ.


އާދެ! އަޅުގަނޑާ ހެދި ކޮރަޕްޝަނުގެ އެފަދަ އަމަލުތައް އިމިގްރޭޝަން ތެރެއިން ނުވާން ފެށުމުންނާއި މުޅިން ހުއްޓޭން ފެށުމުން އަޅުގަނޑަށް އަންނާން ފެށި ޕްރެޝަރު އެންމެހާ ދިވެހި ރައްޔިތުންނަށް މިހާރު ސާފުކޮށް އެނގޭނެއެވެ. އިމިގްރޭޝަން ތެރެއިން މިދެންނެވި ކޮރަޕްޓް ވެރިންނާއި އިމިގްރޭޝަނުގެ ބޭރުން ބައެއް އެޖެންސީ ތަކުގެ ފަރާތުން ނުކުތްބަޔަކާއި ގޭންގުތަކުގެ ފަހަތުގައި ފޮރުވިގެން ތިބޭ ސިޔާސީ ބޮޑުންގެ ފަރާތުންނާއި ހިއުމަން ޓްރެފިކިންގ ވިޔަފާރިން ސީދާކޮށާއި ނުސީދާކޮށް ބައިއެޅެމުންދާ ބޮޑެތި ބާރުވެރި ފަރާތްތައް އަޑީގައި ތިބެގެން ސިޔާސީ ރޭވުންތައް ރާވާއި ފައިސާދީ، ކާންދީ، އަދި ސައިދީ ހަދައިގެން އަޅުގަނޑާ ދެކޮޅަށް އިމިގްރޭޝަން އޮފީސްތައް ކައިރީގައި މުޒާހަރާތައްކޮށް ޕެޓިޝަނެއް ހަދައިގެން ރައީސް އޮފީހަށާއި ރިޔާސީ ގަނޑުވަރަށް ގެންދާން ފެށީ މިދަންނަވާ ހުރަސްތަކާ ކުރިމަތި ލާން ޖެހުނީމައެވެ. މިކަން މަނިކުފާނަށް ރަނގަޅަށް އެނގޭނެއެވެ. އެހެނަސް މަޑުން ހުންނަވަނީ ސިޔާސީސަބަބަށްޓަކައެވެ. ވަރަށް ދެރައެވެ.


އަދި މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން މިކަންތަކުގެ ތެރެއަށް ވަދެފޯރިގަދަ ކޮށްލީވެސް އެފަދަ ހުރަސްތައް އެފަރާތްކަށާއި އެފަރާތްތަކުގެ ބިދޭސީ އެޖެންޓުން ތަކަށް އިމިގްރޭޝަން ތެރެއިން ފިޔަވަޅު އަޅަން ފެށީމައެވެ. ދުނިޔޭގައިވެސް، އަދި ރާއްޖޭގައިވެސް އެންމެގަދަޔަށް ހިންގާ ވަގުވިޔަފާރި ކަމުގައިވާ، ހިއުމަން ޓްރެފިކިންގ އަކީ ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ސިޔާސީ ބާރެއް އަޑީގައި އޮވެގެން، ރޭވިގެން މިހާރު ހިންގާ އެއްވިޔަފާރިއެވެ.


ރާއްޖެއަކީ މިކަމުގެ ހަބެކެވެ. މިކަމުގެ އެންމެ އަޑީގައި ތިބެނީ، ހިޔުމަން ރިސޯސަސް މިނިސްޓްރީ ތެރޭގައިތިބޭ ވަރުގަދަ ސިޔާސީ ބަޔަކާއި ރަށުތެރެއިން ގޭންގުތަކާ ގުޅިފައިވާ ނުފޫޒުގަދަ ބަޔަކާއި މިފަދަ ކޮރަޕްޓް މީހުންތަކެކެވެ.


ފަހެ، އަޅުގަނޑު އިމިގްރޭޝަނުން ބޭރުކުރުމަށް އެންމެއަޑީގައި ތިބެގެން މަސައްކަތްކުރީ މިފަދަ އެޖެންޓުންގެ ބަލަދުވެރި ބޮޑުންގެ ގޮތުގައި ހަރަކާތް ތެރިވާ މީހުންނެވެ. މިފަދަ ބޮޑުންނާއި މިކަމުން ފައިދާނަގާ ގޭންގުތަކާ ވަނީ ލާމެހި ގުޅިފައެވެ. މިކަންތައް އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސަށް ސާފުކޮށް އެނގޭނެއެވެ. އަދި އިމިގްރޭޝަނުގައި އަޅުގަނޑު އުފެއްދި އިންޓެލިޖެންސް ޔުނިޓަށް ވެސް ސާފުކޮށް އެނގޭނެއެވެ.


އާދެ! މިގޭންގުތަކާއި މަނިކުފާނު އަރިހުގައި ތިއްބަވާބައެއް ބޮޑުންނާވެސް ވަނީ ނުސީދާކޮށް ގުޅިފައެވެ. ގޮތްނޭންގޭ ސިޔާސީ ބާރުތަކާ ވެސް ވަނީ ގުޅިފައެވެ. ރިޔާސީ ގަނޑުވަރު ތެރޭގައި ތިޔަ ގެންގުޅުއްވާ ސރަނގު އާދަން މަނިކުގެ ދަރިފުޅަކީ އޭގެ އެދުރެކެވެ. އެޖެންޓެކެވެ. އަދި މޫނިމާގޭގެ ތެރޭގަ އާއި މާލޭގެ އެތަންމިތަނުގައި އިތުރު ވަމުންދާ ރެސްޓޯރަންޓުތަކަށް ބައްލަވާށެވެ. ހުސް ސާފު ފަސާދައެވެ. ކޯޓާވިއްކަނީ ކޮންބައެއްތޯ ދައުލަތުގެ އިންޓެލް ފަރާތްތަކުން ބައްލަވާށެވެ. އޮޅުންފިލުއް ވާށެވެ. ބިދޭސީން ނަހަމަގޮތުގައި އެއްތަނުން އަނެއްތަނަށް އުފުލާއި ގަނެވިއްކަނީ މި މީސްމީހުން އަޑީގައި ތިބެގެންނެވެ. މިއީ ވަގުފާރިއެވެ.


ލޭބަރުންގޮތު ގައި ދަތުރުފަތުރުކޮށް އުޅޭ ވޯކްވިސާ ހިފައިގެން އުޅޭ އަދި ބައެއް ޓުއަރިސްޓް ވިސާގައި އެތެރެވާ ބިދޭސީންނަކީ ތަހްޒީބުވެ ކުރިއަރާފައިވާ މިޒަމާނުގެ ޒަމާނީއަޅުން ނެވެ. އަދި ބިދޭސީންގެ ވޯރކްވިސާގެ ކަންތައް ވަށާޖެހޭގޮތަށް، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކުރިން އޮތްގޮތަށް ބަދަލު ކޮށްލުމަށް މަސައްކަތް ކުރަނީ ވެސް މިމީސްމީހުން އަޑީގައި ތިބެގެންނެވެ.


އިމިގްރޭޝަން ގާނޫނުގެ ދަށުން ކުރަމުން ގެންދާ ގާނޫނީ މަސައްކަތްތައް އަނބުރާ ހިއުމަން ރިސޯސަސް މިނިސްޓްރީގެ ދަށަށް ގެންދަން އެންމެ ބޮޑަށް މިވަގުތު ބޭނުންވާ ފަރާތަކީ މިހާރު މަނިކުފާނުގެ އެންމެ އަރިސް ބޭފުޅާ … އެވެ. ރައީސް އޮފީސް ތެރޭގައި މިހާރުއޭނާ މިދުވަސްކޮޅު އެ ކުރައްވަނީ އެ މަސައްކަތުގެ މުހިންމު ބައެކެވެ. އެބޭފުޅާ ބޭނުންފުޅު ވަނީ ގާނޫނު އަސާސީގެ، 115 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދު ލައްވާ ކުރިއެކޭ އެއްގޮތަށް ވޯރކްވިޒާގެ ކަންތައް ކޮރަޕްޝަނާއި ފަސާދައާ އެކު ވަށާޖެހޭނެ ގޮތަކަށް ބަދަލުކޮށް ލައްވާށެވެ.


އިމިގްރޭޝަނުގެ ގަވާއިދުތައް އެގޮތްމިގޮތަށް އަނެއްކާ ވެސް ބަދަލުކޮށްލާށެވެ. އެހެނަސް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ނުގެނެސް މިއީ ކުރެވޭނެކަމެއް ނޫންކަން، އިމިގްރޭޝަނުގެ ހީވާގި އޮފިސަރުންގެ ސަމާލުކަމަށް އަބަދުވެސް އަޅުގަނޑު ގެންނަމެވެ. އިމިގްރޭޝަނުގެ ތެރެއިން އެފަދަ އެޖެންޓުންނަށް ބޭނުންވާ ޓްރެފިކިންގެ ކަންތައް ހިންގުމަށް ހުރަސްއަޅަން ފެށިހިސާބުން އަޅުގަނޑާ ދެކޮޅަށް މި މަސައްކަތް ވަނީ ފާޅުގައި ފަށާފައެވެ.


އަޅުގަނޑަށް އިންޒާރުތައް ރާވައިގެން ދެވުނެވެ. އަދި ފުލުހުން އިސްނަގައި ހިމާޔަތްދޭން އެދުމުން އަޅުގަނޑު އިންކާރު ކުރީމެވެ. އަޅުގަނޑުގެ އޯޑަރަށް އިމިގްރޭޝަނުގެ ވާޖިބުއަދާ ކުރުމުގެ މަސައްކަތުގައި ހީވާގިކަމާ އެކު ހަރަކާތްތެރިވި އިމިގިރޭޝަން އޮފިސަރެއްގެ މޮޓޯސައިކަލް، ފިހާރަފަދަ ތަންތަން ވަނީ، ހުޅުޖަހާ އަންދާލާފައެވެ. އަދި އަޅުގަނޑަށް ސީދާމަރުގެ އިންޒާރުދީ ކަނޑިންނާއި ތޫނުއެއްޗެހިން ހަމަލާދޭނެ ކަމުގެ ބިރުވެރި އިންޒާރުތައް ވެސްވަނީ ނެރެފައެވެ. މިކަންތައްތަކަށް ދިވެހި ފުލުހުން ހެކިވާނެއެވެ.


ފަހެ، ގަނޑުވަރާއި ރައީސްއޮފީހަކީ އަޅުގަނޑުމެންގެ ފެންވަރުން، އެކިކަހަލަ ދައުވަތުތައް ލިބި މިހާރު ވަދެއުޅެވޭ ތަންތަނަށް ނުވާތީ މިފަދަ ޚަބަރުތައް ސީދާމަނިކުފާނުގެ ކަންފަތްޕުޅަށް އަޅުގަނޑަށް ގެންގޮސް ނުދެވެނީއެވެ. ކުރު އެއްޗެއް ކުރުގޮތަކަށް މިދަންނަވާ ލެވެނީ ހުކުރު މިސްކިތް ތެރެއިން ހިންގަވާފައި ރައީސް އޮފީހަށް ކުރޮސްކޮށް ލައްވާ މަގުމަތީގައި އަޅުގަނޑަށް ފެނި ބައްދަލުވެއްޖެ ހާލެއްގައެވެ. މިއީ އަޅުގަނޑު ބަހައްޓަވާފައި މިހާރު ހުރި ހިސާބެވެ.


ހަމަކަށަވަރުން އަޅުގަނޑަށް ޔަގީނެވެ! ކޮރަޕްޓު އަރިސްބޭކަލުން މަނިކުފާނަށް ކިޔައިދެއްވާފައި ހުންނާނީ މިވާހަކަތަކެއް ނޫނެވެ. އިމިގްރޭޝަނާ ބެހޭ މުޅިންއެހެން ވާހަކަތަކެވެ. އެހެނަސް މަނިކުފާނުގެ ނޭޝަނަލް ސިކިއުރިޓީ އެޑްވައިޒަރު އަލްފާޟިލް އަމީން ފައިސަލަށް މިވާހަކަތައް ކިޔައިދިނުމުގެ ފުރުސަތު އަޅުގަނޑަށް މަދުންލިބުނެވެ. ރަސްމީ ބައްދަލުވުން ތަކު ތެރެއިންނެވެ. އެމަނިކުފާނު އެކަންކަމުގެ އަގު ވަޒަން ކުރައްވައެވެ. އަޅުގަނޑު ދައްކާވާހަކަ ތަކަށް ނަޒަރު ކުރައްވާއި ތާއީދު ދެއްވައެވެ. މޯލްޑިވްސް ކަސްޓަމްދަށަށް އިމިގްރޭޝަން ނުގެންދެވުނީ، އެމަނިކުފާނު އަޅުގަނޑާ އެއްކޮޅަށް ހިތްޕެވީމަ އެވެ. އެހެނަސް އެވާހަކަތަކުން ކުރިފައިދާއެއް އަދި އަސަރެއް ފެންނާކަށް ނެތެވެ. ނަތީޖާއެއް ނުފެނެއެވެ. ކަނޑުގައި އަޅާލެވުނު ރޮނގެއް ފަދައެވެ.


ފަހެ ހިތާމައިގެ ކޮޅެއްނެތެވެ! ރައްޔިތުން އުންމީދު ކުރި އުންމީދީ ސަރުކާރު ފަސާދަކޮށްލައި ނިންމީއެވެ.  ޑްރަގު ވިޔަފާރީގެ ބޮޑުން ހިފާ ހައްޔަތުކުރުމުގެ މަސައްކަތް ގޮސް ހުއްޓުނު ހިސާބު ގައުމަށް އިޚްލާސްތެރި ފުލުހުންނަށް މިހާރުވެސް ކިޔައިދޭން އެނގޭނެއެވެ. ރަނގަޅަށް ދަންނާނެއެވެ. މަކިފާނު ބޭނުން ފުޅިއްޔާ އެމީހުން ކުރެން އައްސަވާށެވެ!


ޑުރަގްލޯޑެއްގެ ފަރާތުން ޖާސޫސުކުރުމަށް ނުވަތަ ބުލެކްމެއިލް ކުރުމަށް ކަމާބެހޭ މިނިސްޓަރު އަރިހަށް ފޮނުވުނު ލޫޅާފަތި އަންހެންކުއްޖާ އާއެކު ރޭކުރައްވަން ފެއްޓެވުނު މިނިސްޓަރަކީ ކާކުކަން ވެސް ކިޔައިދޭން އެނގޭނެ ފުލުހުން ތިބޭނެއެވެ. އެކަމަކު ރައީސަށް އެޅުއްވުނު ފިޔަވަޅެއް ނެތެވެ. ރައީސައި ހަމައަށް އެވާހަކަ ގެންދެވުނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ!


ރައީސް ނަޝީދެވެ! އިމިގްރޭޝަނުގައި ހުރިއިރު އަޅުގަނޑުބެލީ، އިމިގްރޭޝަނާ ބެހޭގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވެންހުރި ހުރިހާ ޚިދުމަތެއް ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ވަގުތުންވަގުތަށް ފޯރުކޮށް ދިނުމަށެވެ. ގާނޫނާއި ގަވާއިދާ ޚިލާފު އެނޫންކަންތައް، އިމިގްރޭޝަނުން އެއްގޮތަކަށް ވެސް ނުވާގޮތަށް ހެދުމަށެވެ. އެފަދަ ދޮރުތައް މަލަރުއަޅާއި މުޅިންބަންދު ކުރުމަށެވެ.


އެހެނަސް މިހާރުވަނީ އެހުރިހާކަމެއް އެންމެކުރިޔެކޭ އެއްގޮތަށް އިމިގްރޭޝަނުގައި މުޅިން ބަދަލުކޮށް ލާފައެވެ. މިކަންކޮށް ނިންމާލީ އަޅުގަނޑު ބަދަލުވުމަށް ފަހު، އޮފީސް ހުޅުވިތާ ދެގަޑިއެއްހާ އިރުތެރޭގައެވެ. މިފިޔަވަޅަކީ، އެކަމުގެ ޕްރެޝަރު އުފެދިފައި ހުރިވަރުގެ ރީތި މިސާލެކެވެ. ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓުގެ އެގްރީމަންޓުގެ މުހިންމު ބައިތަކާއި އެގްރީމަޓްގެ ދަށުން އުފެއްދި ސްޓިއަރިން ކޮމެޓީގެ ޔައުމިއްޔާތަކުގެ އަސްލުތައް އަދި އަސްލު އެގްރީމެންޓުން ބައެއް މުހިންމުބައިތައް ވަގަށް ނެގުނުކަން އެނގިފައި ވެއެވެ. އެއީ ދައުލަތުގެ ހައްގުތަކެވެ. އެތަކެތި އަޅުގަނޑު ނުކުތްއިރު ކޮންޓްރޯލަރ ކޮޓަރީގައި ހުރި އަލަމާރީގައި ރައްކާތެރިކޮށް ހުންނާނެއެވެ.


މިއީ ތެދެއްކަން އިމިގްރޭޝަނުގައި ތިއްބެވި ގައުމީ ވިސްނުމުގެ ހަރުދަނާ އޮފިސަރުންނަށް އެނގޭނެއެވެ. އަޅުގަނޑު ދުރުކޮށް ފައިތިބި ކޮރަޕްޓް ދެމީހުން އައިޓީ އިސްބޭފުޅާ އާއި އަނެއްބޭފުޅާ ފަދަ ކޮރަޕްޓްމީހުން ކާރިކޮށް ގައުމީ ސަލާމަތާގުޅޭ މަސްއޫލިއްޔަތުތައް ވަނީ މިހާރު އަނެއްކާ ވެސް އެމީހުންނާ ހަވާލުކޮށްފައެވެ. އިމިގްރޭޝަނުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިކޮށް ދީފައެވެ. މިކަންހިންގީ މަނިކުފާނު އިމިގްރޭޝަނަށް ތިޔަގެންނެވި ބަދަލާ ގުޅިގެންނެވެ. ދިހައެއް އެގާރަ ޖަހާއިރު އޮފީހަށް ނުވަދެވޭ ބޭފުޅަކަށް ގައުމުގެ ބޯޑަރުގެ ކަންކަން މޮނިޓަރކޮށް ނުބެލެހެއްޓޭނެ އެވެ؟


އާދެ! އޭގެތެރެއިން އިދާރީބޭފުޅާ އަކީ، ކޯޓުއަމުރުން ފުރުންމަނާ ކޮށްފައިވާ މީހުންއަމިއްލަ އަމިއްލައަކަށް ކޮންޓްރޯލަރއަށް އެއްވެސްކަހަލަ އެނގުމަކާނުލާ ފުރުވާލާ ހަދާފައިހުރި މުޖްރިމެކެވެ. އެއީ އެތާގައި ކަށީގައި ހިފާފައި އޮތް އާދައެކެވެ. އަމިއްލައަށް ހާޒިރީ ބަދަލުކޮށް އިތުރުގަޑީގެ ފައިސާ އަމިއްލައަކަށް ގަޑިތައް ބަދަލުކޮށްގެން ފައިސާ އިތުރުކޮށްގެން އެފައިސާ ނަގާއި އެހެން މީހުންނަށް ވެސް އެގޮތަށް ގަޑިއިތުރުކޮށްދީ، އަދި ފައިސާނަގައިދީ ހަދާފައިވާ ކޮރަޕްޓް މީހެކެވެ.


އަދި މިހާރު އިސްކޮށްފައިވާ ދެމީހުންނަކީ ވެސް ސިސްޓަމުގެ ޕާސްވޯޑްތައް ބޭނުންކޮށްގެން އެކިކަހަލަ ބަދަލުގެނެސް އަމިއްލަ ފައިދާއަށް އެތައްކަމެއް ހިންގާފައިވާ މީހުންނެވެ. އިމިގްރޭޝަނުގެ މުދަލުން ނާޖާއިޒުކޮށް އަމިއްލަ ފައިދާ ނަގާފައިވާ މީހުންނެވެ. މިހުރިހާ ކަމެއް އަނެއްކާވެސް ކުރެވޭގޮތަށް އެބާރުތައް ވަނީ، އަނބުރާ އެދެމީހުންގެ އަތަށް ރުޖޫއަކޮށް ދީފައެވެ. ސާބަހެވެ!


މިއީ އަޅުގަނޑު ބޭރުކުރި ދުވަހުނޫން އަނެއްދުވަހު ހެނދުނު އިމިގްރޭޝަން ހެޑްއޮފީހުގައި އެންމެކުރިން އެންމެ އިސްކަމެއް ދީގެން ހިންގި މަސައްކަތެވެ. މިކަމުގައި ޕްރެޝަރު ހުރިވަރު މިއިން އެބަ އެނގެނޫންތޯ އެވެ. މިކަންތައްރާވާއި ހިންގާއި އަޅުގަނޑަށް ހުރަސްއެޅި، އަދި އޭސީސީއަށް އެއްބަސް ވުމުގައި އަޅުގަނޑު ސޮއިކުރި ދުވަހު މައްސަލަ ވެއްދި ހއ. އަތޮޅު އާދަނޭކިޔާ ބޭފުޅާ އިސްކޮށް ހުރެގެންނެވެ. އަދި ފަހަތުގައި ސިޔާސީ ބާރެއް އޮވެގެންނެވެ.


ފަހެ، ހަގީގީ ކޮރަޕްޝަނާއި ފަސާދައަކީ މިއެވެ. އަޅުގަނޑަށް ރަނގަޅަށް މިކަންކަން އެނގޭހާލުގައި މިކަންކަމަށް ކެތްކޮށް، ނުފެންނަ ކަމަށް ހަދައިގެން ބަޔަކު ހިނގަން ދޫކޮށް ގެން، އަމުދުން އަޅުގަނޑު ޒިންމާވާ ގޮތަށް، ގާނޫނުގައި އޮއްވާ އަޅުގަނޑަކީ ހިނމޭނުން މަނިކުފާނު ތިޔަހުންނަވާ ގޮތަށް މަޑުން ހުރެވޭނެ މީހެއްނޫނެވެ. މަނިކުފާނަށް އެކަން އެނގިވަޑައި ގަންނަވަން ވާނެއެވެ. ޖަލުގައި ގިނަދުވަސްތައް ހޭދަކުރީ ކީއްކުރަންތޯއެވެ؟ މިކަންކަމުގެ ދިފާއުގައެވެ!


ފަހެ، އަޅުގަނޑު ހުންނާނީ، އެ އައިޓީ ބޭފުޅާ އެއަރޕޯޓަށް ބަދަކުކޮށް ފައެވެ. އައިޓީ ޝެކްސަނާ ދުރުކޮށްފައެވެ. އަދި އިދާރީބޭފުޅާ ހުންނާނީ، ސިވިލްސާރވިސް ކޮމިޝަނުގައި ދަންނަވައިގެން ތިންމަސް ދުވަހަށް ހޯމްމިނިސްޓްރީގެ ދަށުން ހިންގަމުންދާ، ނެޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކޮށް، އެތަނަށް ވަގުތީގޮތުން ދުވަސްކޮޅަކަށް ފޮނުވާލާފައެވެ.


މިމީހުންނަކީ އޮފީހުގެ ރަސްމީ، ސިއްރު ލިޔެކިޔުންތައް މީޑިޔާއަށް ލީކުކޮށް ލަންކާގެ ކަމާބެހޭ ކުންފުންޏަކަށް ދީ، އޮފީސްތެރޭގައި އަމިއްލަ އެދުމަށް ބޮޑެތި ރޭވުންތައް ރާވާހެދި މީހުންނެވެ. އަމިއްލައަށް ރަސްމީ ލިޔުންތައް އިމިގްރޭޝަން ނަމުގައި ޖެނެރޭޓްކޮށް އޭސީސީއަށް ފޮނުވާ ހެދި ކޮރަޕްޓް މީހުންނެވެ. މުފްސިދުންނެވެ. ވަތުތުން ހިފާ ހައްޔަރޔކުރަން ޖެހޭ މުޖުރިމުންނެވެ.


އަޅުގަނޑުގެ އެދުމަކީ، މިފަދަ ކޮރަޕްޓް މީހުން ސަލާމަތާގުޅޭ ޒިންމާތަކުން ދުރުކޮށް، ހީވާގި ހިންގުންތެރި ޗީފުންލައްވާ ކުރަމުން ގެންދިޔަ މަސައްކަތްތައް މިހާރުވަނީ، އަނބުރާލައި ގާނޫނާއި ގަވާއިދުތައް އެއްކިބާކޮށް ޔުނީފޯމް ނާޅައި އިމިގްރޭޝަނުގައި އުޅޭ މިފަދަކޮރަޕްޓް މީހުންގެ އަތްމައްޗަށް އެންމެކުރިއެކޭ އެއްގޮތަށް މިނިވަންކަމާ އެކު ދޫކޮށްލާފައެވެ. މިއީ ވަރަށްބޮޑު ގޯހެކެވެ. ހިތާމަހުރި ކަމެކެވެ. ކޮންމެވެސް ދުވަހަކުން މީގެ ނަތީޖާ ފެންނާނެ ކަމެކެވެ. އިސްލާހު ވާންޖެހޭ ކަންކަމެވެ. ރަނގަޅު ކުރައްވާށެވެ! އަދިވެސް ފުރުސަތު އެބައޮތެވެ!


ރައީސް ނަޝީދެވެ! އަޅުގަނޑު އިޚްލާސްތެރި ކަމާއި ލޯތްބާއެކު ދަންނަވާލަން އޮތީ އިމިގްރޭޝަން ހަމައަކަށް އެޅުވޭނީ މިދެންނެވި ކޮރަޕްޓުމީހުން އެފަދަ ސިޔާސީވެރިން އެފަދަ ޒިންމާތަކުން ދުރުކޮށް ގެންނެވެ. އެމީހުންގެ ކިބައިން މިފަދަ ޒިންމާތައް އަނެއްކާވެސް އަނބުރާ ނެގިގެންނެވެ. އަދި ކޮންޓްރޯލަރ އަކީ، އިމިގްރޭޝަން ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހަކަށް ވެގެންނެވެ. އަދި އިމިގްރޭޝަނުގެ ކޮންޓްރޯލަރ އަކީ، ގާނޫނީގޮތުން މުހިންމު ވާޖިބުތަކެއް އަދާކުރަމުން ގެންދަވާ ޒިންމާދާރު މީހަކަށް ވެގެންނެވެ.


ޗީފުންފެންވަރު އޮފިސަރުންގެ ޚިޔާލުތައް އަޑުއަހާ މަޝްވަރާ ލިބިގަނެ ބަލައިގަންނަ މީހަކަށް ވެގެންނެވެ. ޗީފުންގެ މީޓިންތައް ބާއްވާއި އެފެންވަރުގެ އޮފިސަރުންނާ މަޝްވަރާކުރާ ޒިންމާދާރު ވެރިއަކަށް ވެގެންނެވެ. އެފަދަ މަސްއޫލިއްޔަތެއް ނުނަގާމީހަކަށް އިމިގްރޭޝަނުގެ ކޮންޓްރޯލަރ ކަމުގެ ޒިންމާ ހަވާލުކުރެވިގެން ނުވާނެއެވެ. އިމިގްރޭޝަން ސިވިލްސަރވިސްގެ ދަށުން މިނިވަންކޮށް މުސްތަގިއްލު ވާންޖެހެނީ މިފަދަ ކަންކަމާ ހެދިއެވެ.


ރައީސް ނަޝީދެވެ! އިމިގްރޭޝަނުގައި އަޅުގަނޑު އަމަލުކުރަމުން ގެންދިޔައީ ތަންފީޒީ އިދާރާއަކަށް ވާތީ، މިދަންނަވާ ހަރުދަނާ އަދި ހަރުކަށި ގޮތްތަކުގެ މަތީންނެވެ. އެހެންވެ ބައެއްފަހަރު ރައީސް ވިދާޅުވި ބައެއްކަންތައް ވެސް ހުންނާނީ ނުކޮށް ދޫކޮށްލާފައެވެ. އެއީ އިމިގްރޭޝަނާ ބެހޭ ގާނޫނާ ތަޢާރުޟް ވާތީއެވެ.


އަދި އެއީ ދިވެހި ގައުމުގެ ސިޔާދަތު ކަމުގައިވާ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތައް ދެމެހެއްޓުމަށާއި މަނިކުފާނުގެ ސަލާމަތަށް ކުރިކަމެކެވެ. ދެފަހަރެއްގެ މަތިން ރައީސް މައުމޫނުގެ ޕާސްފޯޓު ހިފެހެއްޓުމަށް ސީދާ މަނިކުފާނު ފޯނުކުރައްވާފައި އެންގެވުމުން ވެސް އަޅުގަނޑު އެކަންނުކުރީ ކޯޓުއަމުރެއްނެތި އެކަން ނުކުރުމުގެ ގޮތުންނެވެ. ދެން މަނިކުފާނު ވިދާޅުވީ ދޫކޮށްލުމަށް ކޯޓުއަމުރެއް ނެރެންދެން ރައީސް މައުމޫނުގެ ޕާސްޕޯޓް ހިފޭއްޓުމަށެވެ. މިކަންވެސް އަޅުގަނޑު ނުކުރީ ދިވެހިގައުމުގެ ސިޔާދަތު ދެމެހެއްޓުމަށެވެ. އަދި ރައީސް ނަޝީދުގެ އިއްޒަތާއި ސަލާމަތަށް އިސްކަން ދީގެންނެވެ.


ދެން އަޅުގަނޑަށް ފޯނުކުރައްވާފައި ވިދާޅުވީ އިއްޒަތްރެތި މެންބަރެއް ކަމުގައިވާ އަލްފާޟިލް އަބްދުލްއަޒީޒު އަބޫބަކުރު ޖަމާލު ބޭރަށް ފުރިޔަނުދީ އޭނާގެޕާސްޕޯޓު ހިފާއްޓާލަ ދިނުމަށެވެ. މިކަންވެސް އަޅުގަނޑު ނުކުރީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކޮންޓްރޯލަރއަށް ކޯޓުއަމުރެއް ނެތި އެފަދަ އަމަލެއް ކުރުމުގެ ގާނޫނީބާރު ނެތީމަ އާއި ރައީސް ނަޝީދު ދެކެލޯބިވާ މީހަކަށްވާތީއެވެ. ކުރިމަގަށް ވިސްނާފައެވެ.


މީގެއިތުރުން ވެސް މަނިކުފާނު އަރިހުގައި ނޫފޫޒުގަދަކޮށް އުޅުއްވާ ބައެއް ސިޔާސީ ބޮޑުންގެ އެދުނު އެދުންތަކަށް ވެސް ބޯނުލަނބާ އެވިދާޅުވާ ހާގޮތަކަށް އަޅުގަނޑު އަމަލުނުކޮށް ދޫކޮށްލާފައި ހުންނާނީ ހަމައެކަނި މިފަދަ ކަންތަކުގައެވެ. ގާނޫނާއި ގަވާއިދުގެ ދަށުން ކުރެވޭ ހުރިހާކަމެއް އިމިގްރޭޝަނުގައި ހުންނާނީ ވަރަށް ފަސޭހަކޮށްފައެވެ. ކޮންމެ ވަގުތެއް ގައިވެސް ކައުންޓަރުން ޚިދުމަތް ލިބޭގޮތަށެވެ. އަދި ނުރަސްމީ ގަޑީގައި ވެސް އަމިއްލައަށް ގޮސްހުރެގެން ފުރިހަމަކޮށް ދީފައެވެ. ބަންދުގަޑީގައި ވެސް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށެވެ. ޚުދު އަޅުގަނޑު ހުރެގެން ބައެއް އިމަޖެންސީ ކަންކަން ރަސްމީ ބަންދު ދުވަސް ތަކުގައި އަދި ރޭގަނޑު އޮފިސަރުން ނެރެގެން ކުރުވާފައި ހުންނާނެއެވެ.


ފަހެ، ދަތުރުފަތުރު ކުރުމަކީ އަސާސީ ހައްގަކަށްވާތީ މިކަންމިގޮތަށް އިމިގްރޭޝަނުން ކޮށްދޭން ޖެހޭނެ ކަމަށް އަޅުގަނޑު ސިކުނޑިއަށް ގަބޫލުކުރެ ވެއެވެ. މިއީރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށާއި މަނިކުފާނުގެ ސަލާމަތަށާއި އަޅުގަނޑުގެ ގާނޫނީވާޖިބުތައް އަދާކުރުމަށް އަޅުގަނޑު ކެރިގެންހުރެ ކުރިކަންތަކެވެ.މަނިކުފާނުގެ ކުރިމަތީގައި އަޅުގަނޑު، ﷲ ގަންދީ ކުރި ހުވަޔާޚިލާފު ނުވުމަށް ވަރަށް ހިތްވަރާއެކު ކެރިގެން ކުރިކަންތަކެވެ.


މިއީ އަޅުގަނޑު ދެކޭގޮތުގައި ހެޔޮނިޔަތުގައި ލޮބުވެތި ގައުމަށް ކުރެވުނު އަގުހުރި ޖިހާދެކެވެ. އޭގެ ބަދަލު ކޮންމެވެސް ގޮތަކުން ލިބޭނެ އަމަލެކެވެ. އަޅުގަނޑު އެންމެ އަޖައިބު ވަނީ ގާނޫނީ ބޭފުޅުންނާއި ދައުލަތުގެ ބަންޑާރަނައިބު ރައީސް އަރިހުގައި ތިއްބަވައިގެން މަނިކުފާނު ލައްވާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުކަންތައް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީއަށް ބެލުމެއް ނެތި ލާފާދީގެން ކުރުވާތީއެވެ. ވެރިމީހާއާ ޚިލާފަށް ޝަރުއީ ކޯޓުތަކުން އަމުރުތައްނެރެ ހުކުމް އިއްވެންޏާ ސަރުކާރަށް ލަފާއަރުވަން ހުންނަވާ ދައުލަތުގެ ބަންޑާރަނައިބުގެ ފާރާތުން ގޯސްތަކެއް ހިނގަނީއެވެ.


ރައީސަށް އަސާސީ ލަފާތައް ނޭރުވެންޏާ ބަންޑާރާ ނައިބެއްގެ ހަގީގީ ބޭނުމަކީ ކޮބައިތޯއެވެ! މިމީހުންގެ ކިބައިގާ ގާނޫނީފެންވަރު ނެތިއްޔާ ސްޕްރީމްކޯޓަށް ވައްދައިގެން ގާނޫނު އަސާސީގެ ހަގީގީމާނަ ހޯއްދަވައިގެން ގައުމުގެ އެންމެމަތީ ވެރިޔާ މިފަދަ ބަދުނާމުތަކުން ސަލާމަތް ކޮށްދޭން ޖެހޭނެއެވެ. މިހާރު ކަންކަން އޮވެގެން އެހިސާބަށް މިދަނީއެވެ. ގާނޫނު އަސާސީ ގެއްލި ދިޔަދީގެން ނުވާނެއެވެ. އެއީ އަލުގަނޑުމެން ގެންގުޅު ފިކުރުގެ އަސާސެވެ. ބިންގަލެވެ. މިފަދަކަންތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލާނީ ކާކުތޯއެވެ! ވެރިމީހާއެވެ! ވެރިމީހާ އަސާސީއަށް ހުރުމަތްތެރި ކުރުވުމަކީ ކާކުގެ ޒިންމާއެއްތޯ އެވެ؟ އަބަދުވެސް ރައްޔިތުންގެ ކުރިމަތީގައި މިވާގޮތުން ބަދުނާމު ވާންޖެހެންވީ ފަހެ، ރައީސްތޯއެވެ؟


އާދެ! މިފަދަބައެއް ކަންކަމާ ހެދި ސަރުކާރު ތެރޭގައި ތިބި މަދުބަޔަކު އެންމެބޮޑަށް އަޅުގަނޑު ބަދުނާމު ކުރީ، މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގައުމީޕްލޭނިން ކައުންސިލްގައި މަޝްވަރާކޮށް، ނިންމެވިގޮތުގެ މަތިން އިމިގްރޭޝަނުގައި ބޯޑަރކޮންޓްރޯލް އާސިސްޓަމެއް ގައިމްކުރުމަށް އަޅުގަނޑު ކުރި ބޭނުންތެރި ގައުމީ މަސައްކަތާ ގުޅުވައިގެން ނެވެ. އެއީ ދިވެހި ގައުމަށް ހެޔޮއެދިގެން އިޚްލާސްތެރި ކަމާއެކު އަޅުގަނޑުކުރި ވަރަށް މުހިންމު ފައިދާދެނިވި މަސައްކަތެކެވެ.


އެކަމަށް އަޅުގަނޑަށް އެހީތެރިކަމާއި މަގުދެއްކެވީ ރައީސެވެ. ﷲ އަށް ގަންދީ އަދިވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާ ހަމައިން އެކަމުގައި އެއްވެސް ކޮރަޕްޝަނެއް ފަސާދައެއް ހިންގާފައެއް ނޯންނާނެ ވާހަކައެވެ. މީހަކު އަތުން ފައިސާއެއް ލިބިގެންފައި ނުވާނެއެވެ. މިއީވެސް ސިޔަސީ ބަޔަކު އަމިއްލަ އެދުމައިގެން އުފެއްދި މާސިންގާ ސިޔާސީ ކަންތައްގަޑެކެވެ. މިކަމުގެ އަޑީގައި އޮފިސް ތެރެއިން ހިންގަން ތިބީ، މިދެންނެވި ދެބޭފުޅުންނެވެ. ބޭރުން ކުޅުނު މީހުން ރައީސަށް މާބޮޑަށް ސާފު ވެލައްވާނެވެ.


އަދި ތިޔަ މަނިކުފާނު އިމިގްރޢޝަނަށް ފޮނުއްވި ހއ.އަތިޅު އާދަނު އެތެރޭގައި ކުޅުނީ ސެންޓަރހާފަށެވެ. މިހާރު އެމީހުން އެގެންދަނީ ބިޑަށް ކުރިމަތިލީ މީހުންގެ ތެރެއިން ނުހޮވުނު ކުންފުނިތަކާ އެކުގުޅުން ހިންގަމުންނެވެ. ނާޖާއިޒު ފައިދާތައް ނަގަމުންނެވެ. މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައި ގަންނަވާ ކުންފުންޏަކަށްވާ ސްރީލަންކާގެ އިންފޯރމެޓިކްސް ކުންފުނީގެ މީހުންނާއެވެ. ފާޅުގައި މިމީހުން ސްރީލަންކާއަށް ދަތުރުތައް ކުރަމުން އެބަގެންދެއެވެ. އަދި ބިޑަށް ހުޅުވާލައިގެން އުޅުނު ދުވަސްވަރުގައި ވެސް މިދެންނެވި އިދާރީބޭފުޅާ ވަނީ ލަންކާއަށް އެކުންފުނީގެ ޓިކެޓެއްގައި މިފަދަ ދަތުރެއް ކުރައްވާފައެވެ.


އެވާހަކަ އޭސީސީގައި ވެސް ވާނީ ރަސްމީކޮށް ދެންނެވިފައެވެ. އެހެނަސް އޭސީސީން ބޭނުންވީ އަޅުގަނޑު ކަތިލާށެވެ. އަދި ސިވިލްސާރވިސް އިން އެކަމާގުޅިގެން އޭނާއަށް ވަނީ އިންޒާރުވެސް ދެއްވާފައެވެ. ﷲގެ އިރާދަފުޅުން މިކަންތައް ކުރިޔަށް އޮތްތާގައި އަލުން ތަހުގީގީއުދާރާ އަކުން ބަލައިފިއްޔާ އެއްވެސް ގޯހެއްނެތް ކަމެއް ކަމުގައި ސާބިތު ވާނެއެވެ. އެސީސީން ނުބެލިއްޖެ ނަމަ ބައިނަލް އަގުވާމީ ކޯޓުތައް ހުންނާނީ މިކަމަށް ހުޅުވިފައެވެ. މިއީ ބައިނަލް އަގުވާމީ އެއްބަސްވުމެކެވެ. ދިވެހި ދައުލަތާއި ބޭރު ކުންފުންޏަކާ ހިންގާފައިވާ ބޮޑު ވިޔަފާރި މުއާމަލާތެކެވެ. އެތެރެއިން ސިޔާސީކޮށް ކުޅެވިދާނެއެވެ. ބޭރުގައި ކުޅުމަކީ މިއުޅޭ ސިޔާސީ މީހުންނަށް ވާނެ އަދި ކުރެވޭނެ ކަމެއް ނޫނެވެ. ރައީސަށް މާރަނގަޅަށް އެނގިވަޑައި ގަންނަވަން ޖެހޭނެއެވެ.


އާދެ! މިހާރު އަޅުގަނޑު ބޮލުގައި އަޅުވާފައިވާ މާސިންގާބޮޑު ސިޔާސީ ގޮތުން އުފެއްދި ބޮޑު ތުހުމަތުން، އަޅުގަނޑު ބަރީއަ ވާނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮވެއެވެ. އިންސާފުވެރިކޮށް ގެންގޮސްފިއްޔާ އެކަން ސާބިތުވެގެން ދާނީ އެގޮތަށެވެ. އެދުވަހަކުން އަނބުރާ އިމިގްރޭޝަނަށް އަޅުގަނޑު ބަދަލު ކުރުމަކީ މަނިކުފާނަށް ވިޔަސް އަދި އެހެން ރައީސަކަށް ވިޔަސް ކުރައްވަން ޖެހޭނެ އީޖާބީ ކަމެކެވެ.


ފަހެ، މިކަމަކީ ވެސް މަނިކުފާނުގެ އަރިހުގައި އިސްކޮށް ހުންނެވި ބޮޑެއްގެ އަމިއްލަ ފައިދާއަށް އާދަނު މެންކަހަލަ އެމްޑީޕީ އެކްޓިވިސްޓުންގެ މަދުބަޔަކު ލައްވާ އަޅުގަނޑު ފަލީހަތްކޮށް ރައްޔިތުންގެ ތެރޭގައި ބަދުނާމު ކުރުމުގެ ބޭނުމުގައި ރާވައިގެން ހިންގެވި އަސްލެއް ނެތް ނުސީދާ ޖަރީމާއެއް ކަމުގައި ދަންނަވާނަމެވެ. އަދި އަބަދުވެސް ބުނަމުން ގެންދާނަމެވެ.


ފަހެ،ދަންނަވަމެވެ! ސިޔާސީ އިދިކޮޅު ފަރާތްތައް މިކަމަށް ވަނުމުގެ ދޮރުހުޅުވައި ދިނީ އެމްޑީޕީ ތެރެއިން ކުޅުނު މި މީހުންނެވެ. މިހާރު ބެއްލެވިއަސް އަޅުގަނޑު އިމިގްރޭޝަނުން ބޭރުކުރަން ޖެހޭފަދަ އެއްވެސް ސަބަބެއް މިއިންކަމަކާ ގުޅިގެން ފެންނާކަށް ނޯންނާނެއެވެ. ރައީސް އޮފީހުން ބަޔަކު ފޮނުއްވައިގެން ބައްލަވާށެވެ. ޑިފެންސުން މަނިކުފާނު ފޮނުއްވައިގެން އިމިގްރޭޝަނަށް ވަދެ ފަނަރަ ދުވަސްވަންދެން ތިބުމުގައި އެމްއެންޑީއެފް ބޭކަލުންވެސް ބެލިކަމަށް ވަނީ، އަޅުގަނޑު އަންހެނުން ނަމުގައި ދޫކޮށްފައިވާ ދެޕާސްޕޯޓު ނެރެފައި އޮތްގޮތުގެ މައްސަލަކަން އެނގިފައި ވެއެވެ. އެއީ އާދައިގެ ޕާސްޕޯޓަކާއި ޑިޕްލޮމެޓިކު ޕާސްޕޯޓެކެވެ.


އެކަން ޝިޓިޒެންޝިޕުގާނޫގެ ދަށުން، ގާނޫނީ ގޮތުން ނިންމެވީ، ޚުދު މަނިކުފާނެވެ. އެއީ އިމިގްރޭޝަނުން އަޅުގަނޑު ވަގަށް ނެގި އާދައިގެ ޕާސްޕޯޓަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއް ނޫނެވެ. އިރާދަ ކުރެއްވިއްޔާ އޭނާ އެއިންއެވެސް ބޭނުމެއް ނުހިފާއޮވެ މުއްދަތު ހަމަވެގެން ދާނީއެވެ. އޭނާ، އަންހެނުން ރުކުޝަނާ ފުރައިގެން ދިޔައީ އޭނައަށް ދިވެހި ދައުލަތުން ދީފައިވާ އޯޑަނަރީ ޕާސްޕޯޓުގައެވެ. މިވާހަކަތައް މިހާތަފްސީލިކޮށް މަނިކުފާނުގެ އަރިހަށް ލިޔަން މިޖެހުނީ، ރައީސް ނަޝީދު ވިދާޅުވިކަމަށް ކެޕްޓަން އަބްދުﷲ ސައީދު (ކޮށީގެ) ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.


އޭނާ އެދުވަހު އަޅުގަނޑާ ގުޅުއްވާފައި ވިދާޅުވީ އިލްޔާސާއި އާދަންނަސީރާ ދެމީހުންގެ ކަންތައް ބޮޑުކަމުން އިލްޔާސާއި އާދަން އެހެން ތަނަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ ކަމަށެވެ. އާދަނާ ހެދި، އަޅުގަނޑު އިމިގްރޭޝަނުން އެހެން އޮފީހަކަށް ބަދަލުލު ކުރެއްވުމަކީ، އެއްގޮތަކަށް ވެސް އިންސާފެއް ނޫނެވެ. ހަމައެއް ނޫނެވެ. ފަހެ، އަޅުގަނޑުގެ ކުށަކީ ކޮބައިތޯއެވެ؟ މިއީ ސީދާކޮށާއި ނުސީދާކޮށް، އަޅުގަނޑަށް ދެވުނު ސިޔާސީ އަނިޔާއެކެވެ. ކަތިލެއްވި ސިޔާސީ ކަތިލުމެކެވެ.


ބަޔަކުމީހުން އަޑީގައި ތިބެގެން ރާވާއިގެން ކުރެވުނު ކަމަކަށް ވަނީ މިހެން ވެގެންނެވެ. އަމިއްލައަތުން ބަރަހަނާ ވާވަރަށްވުރެ ހަރުދަނާ މީހަކަށް ވީމާ، ތިޔަ ސިޔާސީ ގޮތުން ބަރަހަނާ ކޮށްލެއްވީއެއެވެ. ބުލެކުމެއިލްކޮށްގެން އެކަންކުރެވޭތޯ އެމްޑީޕީބަޔަކު ޗާލު ލޫޅާފަތި އަންހެން ކުދިންގެ ފޮޓޯތަކެއް ހިފައިގެންވެސް އަހަރެން ގާތަށް އައެވެ. އެކިގޮތްގޮތުން އެކިކަހަލަ މަޅީގައި ޖެއްސޭތޯ އުޅެފައި އެބަހުއްޓެވެ. އެމަގުން ވެސް ބުލެކުމެއިލް ކުރެވޭތޯ މަޅިތަށް ރާވާފައި އެބަހުއްޓެވެ. އެއިން މަޅިއެއްގައި އަޅުގަނޑު ނުޖެހުނީ، ސިޔާސީ ބަދުނާމުކޮށްލުމަށް އެފަދަ ރޭވުންތައް ރާވާގޮތުގެ ތަޖްރިބާ ހުރުމުންނެވެ.


ހަމައެކަނި މިކުރެވުނީ، ރައްޔިތުންގެ ތެރެއަށް ކުރެވުނު ވަގުތީ ބޭޒާރެއް ކުރުމެއްކަން ކަށަވަރެވެ. މިގޮތުން ވެސް ސިޔާސީ އެޖެންޓުންތައް ހެސްކިޔާފަ މަސައްކަތް ކުރިއެވެ. އެއިންކަމެއް ކާމިޔާބު ނުވެ ފެއިލްވީ އަޅުގަނޑު ވިސްނުންތޫނު ވީމައެވެ. ހިތާމައިގެ ކޮޅެއްނެތެވެ! ފަހެ، މިއީ އަޅުގަނޑުމެން އުންމީދައިގެން ގެނައި ރައްޔިތުން ރުހުންދިން ރީތިމޫރިތި ސަރުކާރުން ވެސް ހިންގި ފާސިދު އަމަލުތަކެވެ! އޭ، ރައީސެވެ! ނަޝީދެވެ! މިއީ ބައިވަރު ވާހަކަތަކު ތެރެއިން އަދި މަދު މިންވަރެކެވެ!


ފަހެ، ދަންނާށެވެ! މިއީ ރައީސް ނަޝީދު އިމިގްރޭޝަނަށް ގެންނެވި ވަރަށް ގޯސްބަދަލެކެވެ. ނުބައި ނިންމުމެކެވެ. ގިނަމީހުން ލައުނަތްދީ، ނަފްރަތުކުރާނެ ކަމެކެވެ. ޑިބީއަކީ ވިޔަފާރި ކުރާހިތްވާ ބޭފުޅެކެވެ. އަދި މިބަދަލު ގެންނެވުމަށް ފަހުގައިވެސް ދެދުވަސް ވަންދެން އާދަނު އިމިގްރޭޝަނުގައި ޗިޓާހަވާނުވެ، އުޒުރު ދައްކައިގެން ހުންނަވައިގެން އަޅުގަނޑު ބަދަލުވި ދުވަހުނޫން އަނެއްދުވަހު، އިދާރީބޭފުޅާ އާއި އައިޓީބޭފުޅާ ވަނީ، އާދަނު ބޭނުންވާގޮތަށް އިމިގްރޭޝަނުގެ މަސްއޫލު މަގާމުތަކަށް ބަދަލުގެނެސް ކޮރަޕްޝަން ހިންގޭގޮތަށް މުހިންމު ޒިންމާތަކަށް އިސްކޮށްފައެވެ. އާދަނު މިހާރު އިމިގްރޭޝަނުން ބޭރުގައި ހުންނެވިޔަސް އިމިގްރޭޝަން ތެރެއިން ކޮރަޕްޝަން ހިންގޭގޮތަށް ވަނީ ހުރިހާކަމެއް ރާވާއި މަގުފަހި ކޮށް، ދޮރުތައް ހުޅުވާފައެވެ.


މިހާރު އިމިގްރޭޝަން ތެރޭގައި ވަނީ، އެތިންމީހުން ބޭނުންވާގޮތަށް ހުރިހާ ކޮރަޕްޝަނެއް ފަސޭހައިން ހިންގޭނެގޮތަށް އެކިބަދަލުތައް ގެނެސްފައެވެ. އެކަމަކީ އިމިގްރޭޝަނަށް އަލަށް ފޮނުއްވި ކޮންޓްރޯލަރ (ޑީބީ) އަށް އެނގިގެން ނުވަތަ ނޭނގި ނަމަވެސް އާދަނުގެ ބުއްދީގެ ރޭވުމެކެވެ. އޭނާ ކުރެއްވި ކަމެކެވެ. އެބަދަލުވަނީ ހަމައެދުވަހުމެ ގެނެސް ނިންމާފައެވެ. އަދި އޭގެ ފައިދާތައް ރައީސް އަރިހުގައި ތިއްބެވި ސިޔާސީ ބައެ އްބޮޑުންނަށް ކުރާނެގޮތް ތަކަށް އެހުރީ ރާވާފައެވެ.


ރާއްޖޭގައި ހިއުމަން ޓްރެފިކިންގ ހުއްޓާލައްވަން ނުވަތަ މަދުކުރައްވަން ބޭނުންފުޅިއްޔާ އިމިގްރޭޝަނުގެ ކޮންޓްރޯލަރ އަކަށް ގާނޫނުތައް ދަމަހައްޓާނެ އިންސާފުވެރި ރަނގަޅު ޒިންމާދާރު މީހަކު ލެއްވުމަށް ދަންނަވާއި އާދޭސްކޮށް މިގައުމަށްޓަކައި އަދި މުސްތަގުބަލަށް ޓަކައި ނަސޭހަތްތެރި ވަމެވެ. އަދި އެއިދާރާގެ އެތެރެއަށް ވީހާއަވަހަށް އެދެވޭ ބަދަލެއް ގެނެސްދެއްވުން އެދެމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ މޭޒުމަތީގައި މިހާރުއޮތް އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، އަވަސްކުރަން ޖެހޭ މުހިންމު އިސްލާހުތަކެއް ކަމުގައި އަޅުގަނޑު ދެކެމެވެ.


އަޅުގަނޑަކީ ރިޔާސަތުގެ ހުރިހާބާރުތަކެއް ރިޔާސީ ނިޒާމެއްގެ ތެރޭގައި މަޖިލީހުގެ ބާރުތަކަށް ދޭންބޭނުންވާ ވިސްނުމުގެ މީހެއްނޫނެވެ. އެހެނަސް މިހާރު ވެރިކަމުގެ ބާރުން ބައެއްކަންތައް ގެންދަވާގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތަކެއް ފާހަގަވާ އެބަހުއްޓެވެ. ޚާއްސަކޮށް މިނިސްޓަރުންގެ ދަށުން އެންމެއިސްކޮށް އިމިގްރޭޝަން ކޮންޓްރޯލަރ ފަދަ، ޕޮލިސް ކޮމިޝަނަރ ފަދަ، އެމްއެންޑީއެފް ޗީފް ފަދަ ތަންފީޒީ މަގާމު ތަކުގައި ތިއްބަވާފަރާތް ތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން އައްޔަންކުރެވޭ މަގާމަކަށްވުން އެބަ ލާޒިމު ކުރަން ޖެހެއެވެ. މިއީބައެއް ޚުތޫރަތްތެރި ދަނޑިވަޅުގައި ކުރަން އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. އެހެންވުމުން މަޖިލީހުގައި އޮތް އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގައުމީ ސަލާމަތާ ބެހޭކޮމެޓީން މިއިސްލާހު ވީހާއަވަހަށް ގެނެސް ދެއްވުމަކީ، އަޅުގަނޑު ވެސް އިޚްލާސްތެރި ކަމާއެކު އެކޮމެޓީގެ އިއްޒަތްތެރި މެންބަރުންގެ އަރިހުން ވަރަށްބޮޑަށް އެދޭ ކަމެކެވެ.


އަދި މަޖިލީހުގެ އިއްޒަތްތެރި ހުރިހާ މެންބަރުންނަށް ވެސް ދިވެހިގައުމުގެ ސަލާމަތަށްޓަކާ މިދަނޑިވަޅުގައި މިބަދަލު ގެނެސްދެއްވުމަށް އަޅުގަނޑު އަމިއްލައަށް ގޮވާލަމެވެ. މަޖިލީހުގެ މެމްބަރުން ފާސިދުވެގެން ނުވާނެއެވެ. އިދިކޮޅު ޚިޔާލަށް އަބަދުވެސް ޖާގަދެވެން ޖެހޭނެއެވެ. ފައިސާއަށް މެމްބަރުން ގަނެވިގެން ނުވާނެއެވެ. މީގެއިތުރަށް ދަންނަވާލަން އޮތީ، ވީހާއަވަހަށް މަނިކުފާނުގެ އަރިހުގައި ތިއްބެވި ކޮރަޕްޓް ސިޔާސީ ބޮޑުންތައް ދުރުކޮށް ގައުމީ މީހުންނަށް ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވުން އަވަސްކޮށް ދެއްވާށެވެ.


ޒުވާން ކިޔަވައިގެން ތިބިކުދީން ފެންނާން އެބަތިއްބެވެ. ހުރިހާކަމެއް އަބަދުވެސް ނިއުޅިގެންދާގޮތަށް އޮތުމަކީ، ބުއްދިވެރިކަމެއް ނޫނެވެ. ރައިސް މައުމޫނު ކައިރިން ފެއިލްވީމާ ރައީސް ނަޝީދުއަރިހަށް ހަމައެކަންކަން ހިންގުމަށް ލުމަކީ އަޅުގަނޑުގެ ބުއްދިއަށް ގަބޫލުކުރެވޭ ކަމެއްނޫނެވެ. އަބަދާ އަބަދަކު ރިސްކު ނަންގަވައިގެން ކާމިޔާބެއް ނުކުރެއް ވޭނެއެވެ. ސިޔާސަތަކީ، ރިސްކު ނަންގަވައިގެން ކާމިޔާބު ހޯދޭނެ މައިދާނެއް ނޫނެވެ. ފިޔަފާރީގައި އެކަން ފަހަރުގައި ވެދާނެއެވެ.


މަނިކުފާނުގެ ސަލާމަތް ހޯއްދެވުމަށް އަދިވެސް ވަގުތު އެބައޮތެވެ. ފުރުސަތު އޮތީ ހުޅުވިފައެވެ. ގައުމަށް އިސްލާހު ގެންނަވާށެވެ. ފުރުސަތު ނަންގަވާ ނުލައްވާށެވެ! ޖަލުގައި ކުރިމަޝްވަރާތައް ބަހުސްކުރުމުގައި ހޭލާތިބި ހޭލާތިބުންތައް، އެއިހުސާސްތައް ވުޖޫދު ކުރަން އެބަޖެހެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ކައިރީގައި ތިއްބެވި ކޮރަޕްޓް މީހުންތައް ފޭކޮށް ލައްވާށެވެ. އަމިއްލަފުޅު ނައިބައި ގުޅިވަޑައިގަނެ، މަޝްވަރާކޮށް އަސްލު އެމްޑީޕީގެ ފިކުރާއި ވިސްނުމަށް ރުޖޫއަ ވެލައްވާށެވެ. އޭރުން ރައްޔިތުންގެ ލޯބި އަނެއްކާވެސް ލިބޭނެއެވެ! ބަލައި ގަންނާނެއެވެ!


ފަހެ، ސަލާމަތުގެ މަގަށް އެނބުރި ފިކުރުކޮށް ވިސްނަވަންވީ ވަގުތަކީމިއެވެ. އެވަގުތު ބީވެގެން ދިޔަ ނުދިނުމަށް ގާތް އެކުވެރި މަނިކުފާނު ދެކެ އަދިވެސް ލޯބިވާ، އަދި ޖަލުގަޔާއި އުފަލުގައި އެއްކޮށް އުޅެފައިހުރި އަޚެއްގެ ހައިސިއްޔަތުން ވަރަށް އިޚްލާސްތެރި ކަމާއެކު މިއީ އަހުރެންގެ އެންމެ ފަހު، ނަސޭހަތްތެރި ވުމެވެ. ގަބޫލުކުރައްވާށެވެ. އަޅުގަނޑަށް އަދިވެސް އިސްލާހީ މަގަށް އެފަދަ ފުރުސަތެއް ދެއްވައިފިއްޔާ އަޅުގަނޑު ވެސް މިހުރީ މަނިކުފާނަށް އިޚްލާސްތެރި ކަމާއެކު، ތަންފީޒީ ދާއިރާއެއް ގައި ޚިދުމަތްކޮށް ދިނުމަށް ތައްޔާރަށެވެ. ގައުމު އިސްކުރާނަމެވެ. އަންނަން ތިބި ދެވެހި ދަރިކޮޅަށް ކަމެއް އެބަކޮށް ދޭންޖެހެއެވެ!


އަޅުގަނޑު އަބަދުވެސް ފުރާނަ ހުރިހާ ހިނދަކު ދެމި ހުންނާނީ އެގޮތުގެ މަތީގައެވެ. ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އާމީން!


އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.


14 މާޗް 2011

 

 

ޚާދިމުކުމުލް މުޚްލިސް


……ސޮއި……

 

އިލްޔާސް ހުސައިން އިބްރާހީމް. (ޖަވާހިރުވާދީ)

 

 

ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދުގެ އަތްޕުޅަށް.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް.

މާލެ، ދިވެހިރާއްޖެ.


ރައީސް ނަޝީދު އަށް އަހުރެން ފޮނުވި، މި އިޚްލަސްތެރި ދިގުސިޓީއަށް އެމަނިކުފާނު ޖަވާބެއް ނުދެއްވައެވެ. އެހެނަސް ކިޔުއްވިކަން އެނގުނެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ހުކޫމަތުގެ އުމޫރުތައް ބައްޓަންކޮށް ހިންގެވި ގޮތުގެ ހަގީގީ މިސާލެކެވެ. މި ތަފްސީލީ ސިޓީ އާންމުކޮށް މިގެނެސްދިނީ ސިޔާސީކަންކަމަށް ލޯބިކުރާ ޒުވާން ދިވެހިކުދިންގެ ކުރިމަގު ބިނާ ކުރުމަށް ފިލާވަޅަކަށް ވާނެތީއެވެ.


ޑިޒާސްޓަރ ގައި އަދާކުރި ވަޒީފާކާޑު
ޑިޒާސްޓަރ ގައި އަދާކުރި ވަޒީފާކާޑު

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page