top of page

ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (ތިންވަނަބައި)

  • Writer: ilyashusein
    ilyashusein
  • 22 hours ago
  • 22 min read

Updated: 32 minutes ago

*އުފެއްދި ގެވެހި ފަސް ކަޓޫރަބޮމަށް ހެދިގޮތް:

*ފުރަތަމަ ފަހަރަށް، 162 ވަނަ ދުވަހު، ޖަލުގައި ދައްތައާ ބައްދަލުވުން:

*މާމަ ބަލިވެ އުޅުއްވާތީ ކުޑަވަގުތުކޮޅަކަށް ގެއަށް ގެނެސްދެއްވުން:

*ޖަލުކުޑަގޮޅިން "ޚަބަރުސިޓީއެއް" އެމްނެސްޓިއަށް ބޭރުކުރުން:

*ކިރުސަޔާއި ދުފުން ހަމަޖެހުން:

*ކަޓޫރަބޮން ގޮއްވާލިކަން އެނގިހުރެ ސިއްރުކުރުމުގެ ދައުވާއަށް ޖަލުން، ކޯޓަށް ހާޒިރުކުރުން:

*މަންތިރި މައްސަލައިގެ ހުކުމް އިއްވުން:

*ކަޓޫރަބޮން ގޮއްވާލިކަން ނާންގައި ސިއްރުކުރިކަމުގެ ހުކުމް އިއްވުން:

*ދިވެހިރާއްޖޭގެ ޓަރަރިޒަމްގާނޫގެ ބިއްދަށުފަރާތް:



އުފެއްދި ގެވެހި ފަސް ކަޓޫރަބޮމަށް ހެދިގޮތް:


ކިޔޮޅަކީ، މިކަންތައްގަޑުގައި ދަންޑެހެލުގެ ވަޒީފާ އަދާކޮށްދިން ހިތްވަރުގަދަ ދިވެހިންގެ ބަޠޮލެކެވެ. އެއީ ނަކަތާއި ދަތުރުދަންނަ ކިޔޮޅެކެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަށް އޭނާވެދެއްވި ގުރުބާނީ އަކީ، އޭނާގެ ފެންވަރުގައި ތައުރީފު ހައްގު މުހިންމު ރޯލެކެވެ. އޭނާ އޭރު ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒްގެ މެރީންރިސާޗް މަރްކަޒުގައި ކަނޑުމަތީގެ ދިރާސާތަކުގެ މަސައްކަތްކުރުމަށް ގެންގުޅޭ، "ފަރުމަސް" ދޯނި ދުއްވާ ކެޕްޓަނުގެ ވަޒީފާގައިއެވެ. ބިގޭ ވަޒީފާއަދާކުރަނީ އެއޮފީހުގައި ވެރިންގެ ފެންވަރުގައެވެ. މިދޯނި އޮންނަނީ ބިގޭގެ ބެލުމުގެ ދަށުގައެވެ. މިދެންނެވި ކިޔޮޅު، ކަޓޫރަބޮން ހިފައިގެން ދެރޭއްގެ މަތިން ސިފައިންގެ ކޯސްޓްގާރޑު ލޯންޗަކަށް އެރިއެވެ.


އެހެނަސް ދޮރުލައްޕާފައި ހުރެގެން އެތެރެއަށް ނުވަދެވުނީމާ ކަޓޫރަބޮން ބޭރުގައި ބާއްވާފައި ފައިބަން ބޭނުންނުވީ، އެތެރޭގައި އިންސާނަކު ނިދާފައި އޮވެދާނެތީއެވެ. އެއްވެސް ފުރާނައަކަށް ގެންލުމެއް ވެދާނެތީއެވެ. ދެން ވިސްނީ ސަރުކާރުގެ މިލްކިއްޔާތުގައިވާ އެހެން ކޮންމެވެސް ލާންޗެއްގައި މިކަޓޫރަބޮން ގޮއްވާލާށެވެ. މިވިސްނުމުގައި އޭނާ އުޅެނިކޮށް ފެނުނީ، ހެންވޭރު ޝޯމިލްކުރިމަތީގައި އޮންނަ ދޯނިފަހަރު އޭދުވަސްވަރު އެހެލާތާގައި އެހެލާފައި އޮތް އެމްޓީސީސީގެ "ކޮއިމަލާ" ލޯންޗެވެ. އެތެރޭގައި އިންސާނެއް، އަދި ނުރައްކާވާނެ އެއްވެސް ކަންފުޅެއް ހިލަމެއްދަމެއް އެއަކު ނެތެވެ. ކިޔޮޅުގެ އަމާޒަކަށް ހެދީ މި ކޮއިމަލާ ލޯންޗެވެ.


މިކަން މިގޮތަށް ކުރުމަށް ނިންމަންޖެހުނު ގޮތަކީ، މާލެތެރޭގައި ފަސާދައުފައްދަމުން ގެންދިޔަ ސްޓޭޓު އޯގަނައިޒްޑު، "ބިންބިފޯސް" އައި ދެކޮޅަށެވެ. އެވެރިން ޑިފެންސް މިނިސްޓްރީގެ މަދަދާ އެކު މަތިހަށިނަގާ ނުކުމެ މާލެ ތެރޭގައި އުޅޭތީ، އެމީހުން ބިރުގަންނަވާލުމުގެ ގޮތުން ބޭނުންކުރުމަށް އިތުރު ކަޓޫރަބޮމެއް އުފައްދާފައި އޮތީމާ، ކޮންމެހެން ވެސް އޭތި ބޭކާރުކޮށް ނުލާ ގޮއްވާލަން ޖެހުނީމައެވެ. ސަރުކާރުން އެދުވަސްވަރު އަޑުއެރުވި ގޮތަށް އެއީ ސާކްސަމިޓުގެ ޖަލްސާގައި ބޭނުން ކުރަން އުޅުނު އެއްޗެއް ނޫނެވެ. އެއީ ސަރުކާރުން އެރުވި މުޅިން ނުބައިގޯސް އަޑެކެވެ. ފެތުރި ޚަބަރެކެވެ.


ޖުމްލަ ތިން ކަޓޫރަބޮން ކޮއްކޮމެން އިސްވެ ތިބެ އުފެއްދިއެވެ. ތިންވަނަ ގެވެހިބޮމަށް، ގިނަ ދުވަހު ދޯނީގައި އޮންނާތީ ކިޔޮޅު ހެދިގޮތަކީ، ކަނޑުފައްތާ އޭގެ ދުވަސް ދުއްވާލާއި ނެތިކޮށްލީއެވެ. މިތިނެތީގެ ކުރިން ކުޑަވަރެއްގެ ދޭތި ހަދަންޖެހުނެވެ. އެ ދޭއްޗަކީ ޓެސްޓަށް ހެދި ދޭއްޗެވެ. ގޮވާތޯބެލުމަށް ރިމޯޓްސުވިޗްގެ ތަޖްރިބާ ޓެސްޓު ހަދާން ބޭނުން ކުރި ދޭއްޗެވެ. މުޅި އެކު ތައްޔާރު ކުރީ ފަހެއްޗެވެ.


ފުރަތަމަ ފަހަރަށް، 162 ވަނަ ދުވަހު، ޖަލުގައި ދައްތައާ ބައްދަލުވުން:


2 ޖޫން 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 162 ވަނަ ދުވަހެވެ. މިދިޔަ ދުވަސްތައް ދިޔައީ އާދައިގެ މަތިންނެވެ. ޚާއްސަކަމެއް ނެތިއެވެ. މިއަދު މެންދުރުފަހަށް އަޅާލުމާހެން، މިހާރު ޖަލު ބަލެހެއްޓުމާ ހަވާލުވެގެން ހުންނަވާ، އަދުނާން ސަރުދާރު ކުއްލިއަކަށް ގޮޅިއަށް ދުރުވެ އެންގެވީ ހަވީރު، 4:30 އަށް ބޭރަށް ނުކުމެވޭ ގޮތަށް ތައްޔާރު ވެލައިގެން ހުރުމަށެވެ. ބަރާބަރު، 4:30 ވިތަނާހެން އޭނާ، އަޅުގަނޑުބަލާ ދުރުވެއްޖެއެވެ.


އަދުނާނު ސަރުދާރު އަޅުގަނޑު ގޮވައިގެންގޮސް ވެއްދީ، ދޫނިދޫގެ ތަހުގީގުބައިގައި ހުންނަ ކުޑަކޮޓަރި އަކަށެވެ. އެތަނުން ދޮންދައްތަ، އަޅުގަނޑަށް ފެނިއްޖެއެވެ. އެއީ ހަމައެކަނި ހުންނަ އެއްބަނޑުއެއްބަފާ ލޯބިވާ ދައްތައެވެ. ދޮންދައްތަ ބައިންދާފައި އިނީ އެތާހުރި މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަޅުގަނޑު ފެނުމުން ދޮންދައްތަ އިންނެވި ގޮނޑިން ތެދުވެއްޖެއެވެ. އުފަލުންގޮސް އަޅުގަނޑު މެންނަށް ބައްދާލައި ސަލާންކޮށް ލެވުނެވެ. އަޅުގަނޑަށް، ކައިރީގައި ހުރި އަނެއް ގޮނޑީގައި އިށީނުމަށް އެތާ ހުރި ސިފައިންގެ އޮފިސަރެއް އެންގެވިއެވެ.


މިބައްދަލު ވުމަކީ ދޮންދައްތަ އެދިގެން އަޅުގަނޑާ ބައްދަލު ކުރުމަށް ދައުލަތުން ރާވައިދިން އާއިލީ ބައްދަލުވުމެކެވެ. މިއީ މިގޮތުން ދެއްވި ފުރަތަމަ ފުރުސަތެވެ. ޖަލުގެ ކުޑަގޮޅީގައި އިންނަތާ ބަރާބަރު، 162 ދުވަހަށް ފަހު، މިފަދަފުރުސަތެއް ދެއްވުމުން ވަރަށް އުފާވިއެވެ. ދައްކާހަދާ ވާހަކަތައް ރެކޯޑު ކުރުމަށް ފާޅުގައި ފެންނަގޮތަށް ރެކޯޑަރެއް ބަހައްޓައި ސެޓުކޮށް ހަދާފައި ހުއްޓެވެ. އަދި އަދުނާނު ސަރުދާރު ކައިރީގައި މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އަޑުއިވޭ ހިސާބުގައި އޭނާ އިށީންނެވީއެވެ.


އަދި އަޅުގަނޑުމެންގެ އިތުރަށް ސިފައިންގެ އާދައިގެ އޮފިސަރަކު ވެސް ކައިރީގައި ކޮޅަށް ހުއްޓެވެ. ތިރީހަކަށް މިނެޓެ ވާހަކަ ދެއްކުމަށް ވަގުތު ދެއްވިއެވެ. އަޅުގަނޑު ބޭނުންވި ހުރިހާ ވާހަކައެއް ދެކެވުނެވެ. އެއްވެސް ހިސާބަކުން ވަކިމަނަލެއް ނާދެއެވެ. އޮތީ ހުޅުވިފައެވެ. އެހެނަސް އާދައިގެ މަތިން ފަށައިގަތުމުގެ ކުރިން، ތަހުގީގުގެ ވާހަކަތަކާއި މައްސަލައާ ބެހޭ ވާހަކަތައް ނުދެއްކުމަށް އެންގިއެވެ. އަދި އެއީ މިފަދަބައްދަލުވުން ތަކުގެ ގަވާއިދު ކަމުގައި ވެސް އަދުނާނު ސަރުދާރު ވިދާޅުވެ ދެއްވިއެވެ.


ދޮންދައްތަގެ ފަރާތުން، މާމަ ވަރަށްބަލިވެ އުޅޭކަމާއި މާމަ ތިޔަކުދިންނާ ބައްދަލުވާން ވެގެން އެދޭތީ، އެކަމަށް އެދިވެސް މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލާފައި ވެއްޖެކަން އެނގުނެވެ. އަދި އެ ހުއްދަ ވެސް ވަރަށް އަވަހަށް ދެއްވާނެކަމަށް ޑިފެންސުން އަންގާފައި ވާކަމުގައި ދޮންދައްތަ ބުނެދިނެވެ. ވީމާ މާމައައި ބައްދަލު ކުރަން ކުޑަވަގުތު ކޮޅަކަށް އަޅުގަނޑުމެން ވަކިވަކިން ގެއަށް ގެނެސްދެއްވާގޮތަށް ހަމަޖެހޭނެ ކަމަށް ވެސް ދޮންދައްތަގެ ފަރާތުން މި އެނގުނީއެވެ. އަދި ޑޮކްޓަރ ވަހީދު (ވަހީދުބެ) މާލެ އައި ވާހަކަ ވެސް ބުންޏެވެ.


ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް ވަހީދުބޭގެ މަގާމު ބަދަލުކޮށް، އެއްވެސް މަސްއޫލިއްޔަތެއް ނެތްގޮތަށް އޮފީހަށް ނުނިކުމެ ހުރުމަށް ރައީސް އޮފީހުން އަންގަވާފައި ވާކަމަށް ވެސް ދޮންދައްތަ ބުންޏެވެ. މިއީ މިސަރުކާރުން، މީހާ ނިކަމެތިކޮށް އިހާނެތިކޮށް ލުމަށާއި މީހާ ދަށްކޮށްލުމުގެ ގޮތުން، ކުރާކަމެކެވެ. އެހެން މީހުންގެ ކުރިމަތީގައި މީހާގެ އަގުވައްޓާލުމަށް ކުރާ އިންސާނިއްޔަތާ ދިމާ ޚިލާފު ކަމެކެވެ. ގޭގެ އެހެނިހެން ގިނަޚަބަރުތައް ލިބުމުން މިއަދަކީ، ވަރަށްބޮޑަށް އުފާވި ދުވަހެކެވެ.


ޖަލުތެރެއިން ފުރަތަމަ ފަހަރަށް ތިމާގެމީހަކާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ އުފާވެރި ފުރުސަތު ލިބުނު ދުވަހެވެ. ދޮންދައްތަ ގާތުގައި، އަޅުގަނޑަށް ނޯޓްފޮތާއި ގަލަމާއި ފަންސޫރާއި ނޫސްމަޖައްލާ ތަކާ، އަދި ގިނަބޭންޑުތައް ހިމެނޭ ދުނިޔޭގެ ޚަބަރުތައް ފަސޭހައިން އަޑުއެހޭނެ އަތްމަތީރޭޑިޔޯއެއް ފޮނުވައި ދެވޭތޯ މަސައްކަތް ކޮށްދެއްވުމަށް އެދުނީމެވެ.


މާލެގޮސް މާދަމާ ތިޔަކަމާ މިނސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލައިގެން އުޅެދޭނެކަމަށް ދޮންދައްތަ ބުންޏެވެ. މިވާހަކަތަކާ އެކު، މިހާ ހިސާބުން މިއުފާވެރި ބައްދަވުން ނިމުނީ، ވަދާއީސަލާންގަލާން ކުރުމާ އެކުގައެވެ. މިއަދަކީ އުފަލުން ރޮވުނު ދުވަހެކެވެ. ދެން އަދުނާނު ސަރުދާރު އަޅުގަނޑު ގެނެސް ގޮޅިއަށްލާ ތަޅުލީއެވެ.


މާމަ ބަލިވެ އުޅުއްވާތީ ކުޑަވަގުތުކޮޅަކަށް ގެއަށް ގެނެސްދެއްވުން:


5 ޖޫން 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 165 ވަނަ ދުވަހެވެ. މިއަދުހަވީރު، އަދުނާން ސަރުދާރު ދުރުވެ، މިރޭވަގުތީ ގޮތުން މާލެ ގެންދިއުމަށް ހަމަޖެހިފައި ވާތީ ރޭގަނޑު، 7:30 އަށް މާލެ އަށް ގޮސްލުމަށް ތައްޔާރުވެގެން ހުރުމަށް އެންގެވިއެވެ. ލޯބިވާމާމަ އާ ބައްދަލުވުމަށް ގެއަށްގެންދަން ހަމަޖެހުނީ ކަމަށް ލަފާކުރެވިއްޖެއެވެ. ވަކިއެހެން އެއްވެސް އެއްޗެއް ނާންގައެވެ. އެގަޑި ޖެހުމުން މާލެއަށް ގެންގޮސް ސިފައިންގެ ޖީޕަށް އަރުވައިގެން ގެންދިޔައީ ޖަވާހިރުވާދީ އަށެވެ.


ޖީޕުގައި އިންނެވި އޮފިސަރެއް ކަމުގައިވާ ޅަބޭ ވިދާލުވީ، 30 މިނެޓަށް މާމައާބައްދަލު ކުރުމަށްގެއަށް ގެންދަން ހަމަޖެހިފައި އޮތުމުން ގެއަށް ގެންދެވެނީ ކަމަށެވެ. ލޯންޗުން ފޭބިގޮތަށް، އަބަދުވެސް ޅަބޭ އަޅުގަނޑު ގާތުގައި ޖެހިގެން ހުންނަވައެވެ. އެއްގޮތަކަށް ވެސް އަނގައިނެއް ނުބުނެއެވެ. މިފުރުސަތުގައި ގޭގައި އެންމެންވެސް ތިބުމުން ވަރަށް ގިނަ މީހުންނާ ގެއިން ބައްދަލު ވިއެވެ. ފުރަތަމަ އިސްތިގްބާލު ކުރީ ވަހީދުބެއެވެ. މާމަ ކައިރީގައި އެނދުމަތީ އިންދެގެން ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ.


ކުޑަގޮޅީގެ ދުވަސްވަރު މާމަކައިޔަށް ގެއަށް ގެއްދިޔަވަގުތުގެ ހަނދާނީފޮޓޯ
ކުޑަގޮޅީގެ ދުވަސްވަރު މާމަކައިޔަށް ގެއަށް ގެއްދިޔަވަގުތުގެ ހަނދާނީފޮޓޯ

މާމަވެސް ރޮމުން ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. މާމައަށް ހިތްވަރުގަދަ ކުރުމަށް އަޅުގަނޑު ނަސޭހަތްތެރި ވީމެވެ. އަޅުގަނޑުމެން ޖަލުގައި ތިބިހުރިހާ ކުދިންގެ ހާލުވެސް ވަރަށް ރަނގަޅުކަމާއި މުޅިންގަދަވެ ތިބިކަމަށް ބުނެދިނީމެވެ. މާމަ އެއްގޮތަކަށް ވެސް ދެރަނުވުމަށް ނަސޭހަތްތެރި ވީމެވެ. މާމަ އަބަދުވެސް އެނދުގައި އިންނަވާއިރާއި އޮންނަވާއިރު އަލްހަމްދު ސޫރަތް ކިޔާއި ﷲ ހަދާންކޮށް ހެޔޮދުއާ ކުރުންމަތީގައި އަބަދުވެސް ހޭދަކުރުމަށް ހަދާންކޮށް ދިނީމެވެ. މާމައަކީ، ﷲގެ އިރާދަފުޅުން ސުވަރުގޭގެ އަހުލުވެރިއެކޭ ދެންނެވީމެވެ. މާމަގެ ފުރާނަ އަބަދުވެސް ސުވަރުގޭގައި ވާނެކަމަށް ބުނެދިނީމެވެ. އަހުރެން ގެނައީ ހަންދު އާއި ބިގޭގެ ކުރިންނެވެ.


މާމަމަތިން ހަދާންކޮށް ޖަލުގައި އޮންނައިރު އަބަދުވެސް އަޅުގަނޑު، ﷲއަށް ދުޢާކޮށް ދުޅަހެޔޮ ސިއްހަތެއް ދެއްވާއި ސުވަރުގޭގައި އަބަދާއި އަބަދަށް މާމަ ލެއްވުމަށް، އެދި ދުޢާ ކުރާ ވާހަކަ ބުނެދިނީމެވެ. މިވާހަކަތައް އަހާފައި މާމަ ހީވަނީ އުފަލުން އެހެންކަމެއް ހެނެވެ. ވަރަށް ފިރުމާހެދިއެވެ. މާމައަކީ އަބަދުވެސް އަހުރެން ދެކެ އާދަޔާޚީލާފަށް ބޮޑަށް ލޯބިވާ މާމައެކެވެ. ސްކޫލަކަށްދިޔަ ފުރަތަމަ ދުވަހު، މޮންޓުސޫރީ ސްކޫލަށް ގެންދިޔައީ ވެސް މާމައެވެ. ފުރަތަމަ މާމަކީ ފިރިހެން ކުއްޖަކީ، އަޅުގަނޑަށް ވުމުން އަބަދުވެސް މާމަގެ ވަރަށްގާތް ލޯތްބެއް އަޅުގަނޑަށް ހުރެއެވެ.


މާމައާއެކު އެނދުމަތީގައި އިނދެގެން ވަރަށް ހަދާނީފޮޓޯއެއް ނެގީމެވެ. މާމައާއި ޖެފާއި ނީޝާނާއި އަޅުގަނޑު، 4 މީހުން އަރާ ގޮތަށެވެ. މިއީ ހަގީގަތުގައި ވެސް ވަރަށް ހަދާނީފޮޓޯއެކެވެ. މަތީގައި އެވަނީ އެފޮޓޯއެވެ. ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގެ އަލްބަމްސްގައި މިފޮޓޯއަޕްލޯޑް ކޮށްފައި ހުންނާނެއެވެ. އަދި އަޅުގަނޑުގެ ސައިޓުގައި މިފޮޓޯ ތާރީޚަށްޓަކައި ލާފައިވާނެއެވެ. ހަދާންވާގޮތުގައި މިފޮޓޯނެގީ ވަހީދުބެއެވެ. ނުވަތަ ތުއްތަ އިދްހާ ހުސައިނެވެ. ނީޝާނާއި ޖެފްވެސް ވަރަށް އުފަލުން އެރޭ އުޅުނީ އެވަގުތުކޮޅު އަބަދުވެސް އަހުރެންގެ އުނގުގައެވެ.


ހަމަ އެފޮޓޯ ބޮޑުކޮށް
ހަމަ އެފޮޓޯ ބޮޑުކޮށް

މިރެއަކީ ޖަވާހިރުވާދީއަށް ވަރަށް އުފާވެރިރެއެކެވެ. ޖަލުގައިތިބި ހަންދާއި ބިގޭއާއި އަޅުގަނޑުމެން، 3 މީހުންވެސް ވަކިވަކިން ގެއަށް ގެނެސް މާމައާ ބައްދަލުކުރުވި ރެއެވެ. މިކަން ހިންގީއެއްރެއެއްގައި ވަކިވަކީންނެވެ. ދޮންދައްތަމެން، އަޅުގަނޑުމެން ތިންމީހުންގެ ވެސް ފޮޓޯނަގާފައި ހުއްޓެވެ. ރ.އަތޮޅު އިއްޒަތްތެރި މެންބަރު އަލްފާޟިލް އަލީވަހީދު އަބްދުއް ރައްޒާގާއި މ.އަސްރަފީގޭ އަލްފާޟިލް އާދަމް އިބްރާހީމް އާވެސް ޖަވާހިރުވާދީން ބައްދަލުވިއެވެ. އެބޭފުޅުން އޭރު ގޭގައި ތިއްބެވީއެވެ. ގޭގައިމިވީ ވަގުތުކޮޅަކީ، ވަރަށް އުފާވެރިވަގުތު ކޮޅެކެވެ. 30 މިނެޓުހަމަވުމުން ޅަބޭ އަޅުގަނޑު ދޫނިދޫއަށް ގެނެސް ދޫނިދޫގައިހުރި ކުޑަގޮޅިއަށްލާ ތަޅުލީއެވެ.


އިއްޒަތްތެރި މެމްބަރު އަލީވަހީދާއި މަރްޙުމް އަބްދުލްހާދީ (ހާދީބެ) އާއެކު
އިއްޒަތްތެރި މެމްބަރު އަލީވަހީދާއި މަރްޙުމް އަބްދުލްހާދީ (ހާދީބެ) އާއެކު

އެރޭ އެއްގޮތަކަށް ވެސް ނުނިދުނެވެ. ގޮޅީގައި އަށިގަނޑު މަތީގައި އެނބުރިއެނބުރި އޮތީއެވެ. ގޭގެ އެކިއެކި ޚިޔާލުތަކުގައި މުޅިރޭ ދިޔަގޮތެއްވެސް ނޭނގުނެވެ. ވަކިން ޚާއްސަކޮށް ގެއިންނުކުތް ވަގުތު، ވަހީދުބޭ ދެއްކެވި ވާހަކަތަކާއި ދެއްވި ނަސޭހަތަކީ، އަބަދުވެސް ހަދާނުން ކެހިގެން ދާނެ ވާހަކަކޮޅެއް ނޫނެވެ. އަދި އެވާހަކަތަކުން ލިބުނު ހިތްވަރަކީ، ދުވަހަކުވެސް ހަދާނުން ނެތިގެން ނުދާނެ ހިތްވަރެކެވެ. އަބަދުހެން އާލާވެ އިތުރުވާނެ ހިތްވަރެކެވެ. އިތުރަށް އަޒުމް ވަރުގަދަކޮށް ހިތްވަރު އާލާކުރެވުނެވެ. މިލިބުނީ މުޅިން އާހިތްވަރެކެވެ. ނަސޭހަތުގެ އެ ވާހަކަކޮޅު މޮޅުވެފައި އަސަރުގަދައެވެ.


ޖަލުކުޑަގޮޅިން "ޚަބަރުސިޓީއެއް" އެމްނެސްޓިއަށް ބޭރުކުރުން:


މާލެއަށް ގެންދިޔަ މިދަތުރު ނިމެންދެން ޅަބޭ ވިއްދާފައި ކައިރީގައި ހުއްޓެވެ. އެހެނަސް، ﷲގެ އިރާދަފުޅުން އަޅުގަނޑު ކުރަން ގަސްދުކުރި ހުރިހާކަމެއް އެންމެ ފުރިހަމަކޮށް ކުރުމުގެ ފުރުސަތު، ﷲ އަޅުގަނޑަށް ތަނަވަސްކޮށް ދެއްވިއެވެ. ނިޔަތް އިޚްލާސްތެރިވުމަކީ ކާމިޔާބުވުމުގެ ތަޅުދަނޑިއެވެ. މިދަތުރުން އެކަން ކަށަވަރު ކުރެވުނެވެ. ޖަލުގައި ކުރިއަނިޔާތަކާއި ތަހުގީގުގައި ހިންގި ނޭތްގާނީ އަމަލުތަކުގެ ވާހަކަތަކާއި ޖަލުގެ އެހެނިހެން ހުރިހާ ރިޕޯޓެއް ކުދިކުދިކޮށް ލިޔެފައިހުރި ކަރުދާސްތައް ވަރަށްކުޑަކޮށް ފަތްޖަހާ ތަވީދެއްހެން ހެދުމަށް ފަހު، އަޅުގަނޑު ގެއަށް ދިޔައީ އެތަވީދު ހިފައިގެންނެވެ. ގެއަށް ޕާސްކޮށްލުމުގެ މަގްސަދުގައެވެ.


ކޮއްކޮމެންނާއި އަންނި އާއި ސައްޕެ އާއި އަޅުގަނޑުމެން ޖަލުގައި ތިބި އެންމެންނަށް ހެދިހުރިހާ ގޮތެއްގެ މުހިންމު ވާހަކަތައް ތަފްސީލުވާހެން ކުރުކޮށް މިތަވީދުގައި ހިމަނާފައި ވާނެއެވެ. ޖަލުގައި މަދުންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ހިނގި ސައްލާތަކާ އެކު، ހުރިހާ އުސްއަލިތަކެއް ކުދިކުދި އަކުރުން ލިޔެފައި ވާނެއެވެ. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ. ޖަލުގެ ޔައުމިއްޔާ ތަކެވެ. ފަހަކަށް އައިސް ޑިފެންސަށް ސިޓީއެއް ލިޔަން އެދޭއިރަށް ގަނޑާއި ސިޓީއުރަ އަދި ގަލަން ލިބެއެވެ. ޖަލުގެ ޚަބަރުތައް އެއްކުރުމުގެ ހުރިހާކަމެއް ބަރާބަރަށް ހިންގަނީ އަހުރެންނެވެ. މިރޭ އަހުރެންގެ އަތުގައި އޮތް ޚަބަރުތަވީދު ރައްދުކުރަންޖެހޭ މީހާއަށް ރައްދުކޮށް ދެވުނީމާ ވަރަށް އުފާވިއެވެ.


މާމައާއެކު އެނދުމަތީގައި އިންގިނަވަގުތުގައި އެތަވީދު އަޅުގަނޑުގެ ގައިގާއޮތްތަނުން ނަގާއި މާމަގެ އެނދުމަތީގައި އޮތްގޮދަޑީގެ އަރިމަތީން އެނދުގެ ފަޑިއާދިމާލުން އެދޭތެރެއަށް ޖަހާލެވުނެވެ. ނުކުތުމުގައި ބައްދާ ސަލާންކުރި ވަގުތުގައި "ޚަބަރުތަވީދު" އޮތްތަނުން ނެގުމަށް ބުނަންޖެހޭ މީހާގާތުގައި ސާފުކޮށް އެވާހަކަ ބުނެދެވުނެވެ. މިއީ، ﷲ އަޅުގަނޑަށް ދެއްވި މަދަދެއްކަން ކަށަވަރެވެ.


ގެއަށްދިއުމަށް ނުކުތްވަގުތުން ފެށިގެން އަޅުގަނޑު ގެންދިޔައީ މިމަސައްކަތް ފަޅާއެރުމެއް ނެތި ކާމިޔާބުކޮށް ދެއްވާތޯ، ﷲއަށް އަބަދުވެސް ދަންނަވަމުންނެވެ. އަދި މިވާހަކަ ބުނި މީހާގެޖަވާބު އަޅުގަނޑަށް ލިބި ކަށަވަރު ވަންދެން ސަލާމުގެ ބަޣަލްގީރީގެ ބެއްދުމުގައި މަޑުކޮށްލަން ޖެހުނެވެ. އޭނާއަށް އެބުނާއެއްޗެއް އޮޅުންފިލައި އޯކޭދީ ނިމެންދެން ސަލާމުގައި ދެމިހުރީއެވެ. މިތަވީދުގައި ހުރިމުހިންމު ވާހަކަތައް އެމްނެސްޓީ އިންޓަރނެޝަނަލުން، 1990 އިންފެށިގެން، 1993 އަށް ނިސްބަތްކޮށް، ނެރުނު މުހިންމު ރިޕޯޓްގައި ވަރަށްސާފުކޮށް ހިމަނާފައި ހުއްޓެވެ. ކިޔާލައްވާށެވެ.


ޖަވާހިރުވާދީ އިލްޔާސް، 3 ވަނަފަހަރު ޖަލަށްލުން ބާބުއެކެއް ފެށުމުގައި މިރިޕޯޓަށް ހަވާލާދީފައި ވާނެއެވެ. އަދި ރަތްކުލައިގެ ލިންކުން ވެސް އެރިޕޯޓު ފެންނާނެއެވެ. އެރިޕޯޓު ހޯއްދަވައިގެން ބައްލަވާ ލައްވާށެވެ. ތާރީޚަށްޓަކައި މިރިޕޯޓް ކިޔުއްވާލެއްވުން ވަރަށް މުހިންމެވެ. އަޅުގަނޑު އަތުގައި މިހާރުވެސް އެރިޕޯޓުގެ ހާޑުކޮޕީ އެބައޮތެވެ.


މާމައާ ބައްދަލު ވުމަށް ގެއަށް ގެންދިޔަ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެކެވެ. ރާއްޖެ ދެކެމުން އައި ބޮޑު ޑިމޮކްރަސީއަށާއި ރާއްޖޭގެ އިސްލާހީ ހަރަކާތުގެ މަސައްކަތަށް މިދަތުރުން ކާމިޔާބާއި ނަސްރު ލިބުނެވެ. ﷲއަށް އެތައްހާސް ޝުކުރެއް ކުރީމެވެ.


ކިރުސަޔާއި ދުފުން ހަމަޖެހުން:


10 ޖޫން 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ 170 ވަނަ ދުވަހެވެ.  މިއަދު، ރައީސް މައުމޫނަށް އެޑްރެސްކޮށް މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލިޔުނީމެވެ. އެއީ ޖަލުގައި ހުންނައިރު ބައެއް ޚިދުމަތްތަކާއި ބައެއް ކަންތައްތައް ހޯދުމަށެވެ. މިކަންތައްތަކުގެ ތެރޭގައި ދުފުމާއި ކިރުސައި ހޯދުމާއި ފަންސުރާއި ގަލަމާއި ކަރުދާހާއި އަދި ކަސްރަތު ކުރުމަށް އެއްގަޑިއިރު ވަންދެން ގޮޅިން ނެރެދިނުމަށް އެދި ދެންނެވީމެވެ. އަދި ކިޔާނެ ފޮތް ނޫސްފަދަތަކެތި ލިބޭނެގޮތެއް ހަމަޖެހުމަށް ވެސް އެދުނީމެވެ. މިއަހަރުގެ ބޮޑުޢީދުދުވަހަކީ، 22 ޖޫނެވެ. މިއަހަރު (1411 ވަނަ ހިޖްރީއަހަރު) ގެހައްޖު ދުވަހަކީ، 21 ޖޫނެވެ.


ވަޅުޢީދު ދުވަސް ކަމުގައިވާ، 23 ވަނަދުވަހަކީ ކިރުސަޔާއި ދުފުން ލިބޭނެގޮތް ހަމަޖެހުނު ދުވަހެވެ. ސިޓީވަރަށް ކާމިޔާބެވެ. މީގެފަހުން ސައިގެ ކޮންމެފަހަރަކު ވެސް ލިބެނީ، ކިރުސަޔެވެ. ކެއުމަށްފަހު، ދުފަން ވެސް ލިބެންފެށީއެވެ. އަދި މިކަމަކީ އަޅުގަނޑުލީ ސިޓީއަށް ހަމަޖެހުނު ކަންތައް ކަމުގައި ސަރުދާރު އެންގެވިއެވެ.


ސިޓީގެޖަވާބު ރަސްމީކޮށް ދެއްވީ، 7 ޖުލައި 1991 ވަނަ ދުވަހުއެވެ. މިޖަވާބު އަޅުގަނޑަށް ލިބުނުކަމަށް ފޮތެއްގައި ސޮއިކުރުވީ އެދުވަހު ހަވީރުއެވެ. އަޅުގަނޑު އެދުނުހުރިހާކަމެއް ރޭޑިޔޯއެއްގެ ހުއްދަދިނުން ފިޔަވާހަމަޖައްސައި ދެއްވިއެވެ. ރޭޑިޔޯއެއް ގެއިންގެނައުމުގެ ކަންތައް ހަމަޖެހޭނީ އަދި ފަހުންކަމުގައި އެޖަވާބުގައި ބުނެފައި ވެއެވެ.


ހަމަޖެހުނު ކަންތައްތަކުގެ ތެރޭގައި ހަވީރު، 3 ކުން ހަވީރު، 6 ކަށް ގޮޅީގެދޮރު ހުޅުވައިދިނުން ހަމަޖެހުނެވެ. މަހަކު އެއަފަހަރު ގެއަށް ސިޓީލިޔެވޭގޮތް ހަމަޖެހުނެވެ. ގެއިން ނޫސްމަޖައްލާ އަދި ފޮތްތައް ކިޔުމަށް ގެނެވޭގޮތަށް ހަމަޖެހުނެވެ. ކަސްރަތު ކުރުމަށް ބޭނުންވާ ލުއިސާމާނު ގެއިންގެނެސް ދިނުން ހަމަޖެހުނެވެ. އަޅުގަނޑު މިކަންކަމާ ގުޅިގެން ޖަލުގައި ހުރެގެން ލިޔުނު ސިޓީތަކުގެ ބައެއްރަފްތައް އަޅުގަނޑު އަތުގައި ރައްކާކޮށްފައި އެބަހުއްޓެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް މިސިޓީތަކުގެ ސްކޭންކޮޕީ ލާނަމެވެ.


އާދެ! 13 ޖޫން 1991 ވަނަ ދުވަހު ވިންޓަރ ޝަރީފް މާލޭން ގެނެސް ކުރިންވެސްހުރި ގޮޅިކަމުގައިވާ، 17 ނަންބަރު ގޮޅީގައި ބަންދުކުރިއެވެ. އޭނާ މާލެގެންދިޔައީ، ރޯދަމަހުގެ ތެރޭގައި އޭނާގެ އާއިލާއިން އެދިގެންކަން ފަހުން އެނގުނެވެ. ވިންޓަރުގެ އަންހެނުން ވިހަންވެގެންނާއި ވިންޓަރުގެ ބައްޕަ މާބޮޑަށް ބަލިވެ އުޅުއްވާތީ އާއިލާގެ ފަރާތުން ވިންޓަރު ދުވަސްކޮޅަކަށް، ގެއަށް ގެނެސްދިނުމަށް އެދިގެން ހިނގިކަމެއްކަން ފަހުންސާފުވިއެވެ.


އަންހެނުން ވިހާދަގަވިއިރު، ވިންޓަރުގެ ލޮބުވެތި ބައްޕަވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. (އިންނާލިއްލާހި ވައިންނާއިލައި ރާޖިޢޫން!) ވިންޓަރުގެ ފަރާތުން އޭނާ، އަނބުރާޖަލަށް ގެނެވުނީ، މިކަންކަމާ ގުޅިގެން ގެއަށް ގެންދެވިގެންކަން އެނގުނެވެ. ޖަލުގެ އާދައިގެ މަތިން ދުވަސްތައް ހޭދަކުރަމުން ދިޔައީއެވެ. ވަކި އާކަމެއް ނުހިނގައެވެ.


22 ޖުލައި 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 212 ވަނަ ދުވަހެވެ. މިއަދު ގެއަށް ވަރަށްދިގު ސިޓީއެއް ލިޔުނީމެވެ. މާމައާއި މަންމައާއި ދޮންދައްތައާއި އިދުއާއި އިފުއާއި ތުއްތުބެއާއި މާއުގެ ނަމުގައި ލިޔެފައި ގެއަށް ފޮނުވައިދިނުމަށް އެދި ޖަލުއޮފީހައި އެސިޓީ ހަވާލުކުރީމެވެ. މިސިޓީ މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ.


އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް މިސިޓީ ސްކޭންކުރުމަށް ފަހު،  ލާނަމެވެ. ބައްލަވާ ލައްވާށެވެ! މިތާގައި ފުރަތަސޮފްހާ އާއި ދެވަނަ ސޮފްހާ އާއި ފަހު ސޮފުހާގެ ސްކޭނެއް ގެނެސްދޭނަމެވެ. ސިޓީތައް ލިބުނީ މިނިވަންވުމުން ގެއިންނެވެ. މިއީ ޖަލުގެކުޑަގޮޅިން، ގެއަށް ލިޔުނު ފުރަތަމަ ސިޓީއެވެ. ގިނަވާހަކަތައް މަދުގަނޑުގައި ލިޔަންވެގެން އެހުރީ ހުރިހާތަނެއްގައި ލިޔެވިފައެވެ.


ޖަލުން ގެއަށްލިޔުނު ފުރަތަމަސިޓީ ސޮފްހާ 1
ޖަލުން ގެއަށްލިޔުނު ފުރަތަމަސިޓީ ސޮފްހާ 1
ސޮފްހާ 2
ސޮފްހާ 2
ސިޓީގެފަހުސޮފްހާ
ސިޓީގެފަހުސޮފްހާ

ކަޓޫރަބޮން ގޮއްވާލިކަން އެނގިހުރެ ސިއްރުކުރުމުގެ ދައުވާއަށް ޖަލުން، ކޯޓަށް ހާޒިރުކުރުން:


6 އޯގަސްޓް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 227 ވަނަ ދުވަހެވެ. މިއަދުކޯޓު ނަންބަރު ހައެކަށް ހާޒިރުކުރިއެވެ. އަޅުގަނޑުގެ މައްޗަށް އިތުރުދައުވާއެއް ދައުލަތުން ކުރެއްވުމަށެވެ. މިއީ އެޓަރނީޖެނެރަލްގެ އޮފީހުން އަޅުގަނޑުގެ މައްޗަށް ހުށަހަޅުއްވާފައިވާ ހަތަރުވަނަ މައްސަލައެވެ. މިމައްސަލައަކީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ކަޓޫރާބޮމުގެ ކަންތައް އެނގިހުރެނާންގާ ސިއްރުކުރި މައްސަލައެވެ.


މިދައުވާ އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅުއްވީ ހެންވޭރު ހާޖަރާގޭ އަލްއުސްތާޒު މުހަންމަދު ތައުފީގެވެ. ޓެރަރިޒަމްގެ އަމަލެއް ބަޔަކުމީހުން ކުރިއިރުއެކަން އެނގިހުރެ ނާންގާސިއްރު ކުރިކަމުގެ ދައުވާ ދައުލަތުގެ ފަރާތުން އަޅުގަނޑުގެ މައްޗަށް، ތައުފީގު ހުށަހަޅައި ދެއްވިއެވެ.


މިމައްސަލައިގެ ޝަރީޢަތުގެ މަޖިލިސްބޭއްވީ މިއަދުހެދުނު، 10:00 ގައެވެ. ހަމަ މިއަދުކޯޓު ނަންބަރު ހައެއްގައި އުތުރުގޭ އަލްފާޟިލް މުހަންމަދު ޚަލީލް (މައްކޮ) ގެޝަރީޢަތް ވެސްއޮތެވެ. މިއީ ވެސް ޓެރަރިޒަމުގެ އަމަލެއް ހިންގިކަން އެނގިހުރެ ނޭންގުމުގެ ކުށުގެ މައްސަލައެކެވެ.


މިއަދުއޮތީ ހަމައެކަނި ދެފަރާތުގެ އަޑުއެހުންތައް އެކަންޏެވެ. އަޅުގަނޑު ގެންދިޔަބަހުގައި މައްކޮ ގެއަށްލާން ގެންދިޔައެވެ. އަޅުގަނޑުމެން ދެމީހުންނަށް ވާހަކަދައްކާލަން މިފުރުސަތު ލިބުމުން ބައެއް މައުލޫމާތު ސާފުވިއެވެ. ކޯޓު ކައިރިން ދުއްވާލި ގޮތަށް އެބަސްދުއްވާފައި ފުރަތަމަ ދިޔައީ ގ.އުތުރުގެއަށެވެ. މައްކޮގެ ގެއަށް ބާލާށެވެ. ދެންދިޔައީ މޭނާޖަލަށެވެ.


މިއީ މާލެ ގެންނަ ގައިދީންނަށް ކާންދިނުމާއި ކުއްލިގޮތުން ބައިތިއްބާ ވަގުތީޖަލެވެ. ދޫނިދޫގެދަތުރު ތައްޔާރުވުމުން މާލޭ މޭނާޖަލުން އަޅުގަނޑު ނެރެގެން ދޫނިދޫއަށް ގެންދިޔައެވެ. ވެއްދީ ހަމަކުރިން ވެސް ހުރިގޮޅި ކަމުގައިވާ، 15 ނަންބަރު ގޮޅިއަށެވެ. މައްކޮގެފަރާތުން މާލޭގެ ބައެއް ޚަބަރުތައް ލިބުމުން އެވާހަކަތައް ރައްދުކޮށް ދޭންޖެހޭ މީސްމީހުންނަށް ރައްދުކޮށް ދިނީމެވެ. މައްކޮ ހުންނެވީ އުފާކޮށެވެ. އެހެނަސް މިކަމުގައި ބަންދުވާން ނުޖެހޭ މީހަކަށް ގަސްދުގައި ރާވާލައިގެން ތަހްގީގުޓީމުން ހުކުމެއް އިއްވާތީ ކަންބޮޑުވުން ހުއްޓެވެ.


19 އޯގަސްޓް 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 240 ވަނަދުވަހެވެ. ގެއަށް އަޅުގަނޑު ފޮނުވިސިޓީ ލިބުމުން، ދޮންދައްތަ މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީލިޔެ ހުއްދަ ހޯދައިގެން، އަޅުގަނޑަށް ފޮނުވި ބައެއްތަކެތި މިއަދުގޭން ލިބުނެވެ. ގެއިން އަޅުގަނޑަށް ފޮނުވާފައިހުރި ތަކެތީގައި ހިމެނެނީ، 3 ފަންސޫރާއި އެއްގަލަމާއި ފަންސޫރު ޖަހާ އެއްދައްޗާއި އެއްރަބަރާއި އޭ ފޯ ސައިޒުގެ ގަނޑުކަނޑާ ފޮތަކާއި ހަވީރުނޫސް ބޮނޑިއަކާއި އިނގިރޭސި ބަހުގެ ޑިކްޝެނެރީއަކާއި މިދިޔަ ހަފްތާގެ ނިއުސްވީކަކާއި މިދިޔަ ހަފްތާގެ ޓައިމް މެގެޒިނަކާއި ކަސްރަތު ކުރުމަށް އަޅުގަނޑު ގޭގައިބޭނުން ކުރަމުން ގެންދިޔަ ޖޮގިންކުރުމަށް ބޭނުންކުރާ ހޭންޑްގްރިޕް ޖޯޑަކާ، އަދި މުށުތެރެއަށްލާ ފިއްތުމަށް ބޭނުންކުރާ ވައްތަރުގެ ޖޯޑަކާ، މިތަކެއްޗެވެ.


މިހުރިހާ އެއްޗެއް ހަމައަށް މިއަދު ލިބުނެވެ. މިސާމާނު ގެއިން ލިބުމުން ވަރަށް އުފާވިއެވެ. އާ އަޒުމަކާއި އާ ފެށުމަކުން ކުޑަގޮޅީގެ ދުވަސްތައް ރާވާލައިގެން އަލުންބަލުން ވަރުގަދަ އާއަޒުމެއްގައި އެކިވަގުތުއެކިކަމަށް ބަހާއިރާވާލައިގެން ފަށައިގަތީމެވެ. ކިޔެވުން ލިޔުން ފޮތްކިއުން ކަސްރަތުކުރުން ފަދަ ހުރިހާކަމެކެވެ.


22 އޯގަސްޓް 1991 ވީބުރާސްފަތި ދުވަހު ގެއަށް ސިޓީއެއް ލިޔެފައި ފޮނުވީމެވެ. މިއީ ޖަލުންގެއަށް ލިޔުނު ދެވަނަ ސިޓީއެވެ. މަހަކު އެއްފަހަރު މިހުއްދަ މިހާރު ހުޅުވިފައި އޮވެއެވެ. އެހެނަސް ޑިފެންސުން އިސްތަފާ އިބްރާހީމް މަނިކު މިސީޓީތައް ސެންސަރު ކުރައްވައެވެ.

3 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 255 ވަނަދުވަހެވެ. މިއަދު ކޯޓުނަންބަރު، 6 އަށް ހާޒިރުކުރިއެވެ. މާލޭ ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލައިގެ ޝަރީޢަތުގައި ކުރީދުވަހު ދެއްކިވާހަކަތަކުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. އެބަޔާން ކިޔާލުމަށް ފަހު، ބައެއް އިސްލާހުތައް ހުރުމުން އެބައިތައް ރަނގަޅުކުރުމަށް ފަހު، މާދަމާ ސޮއިކުރާގޮތަށް ހަމަޖައްސައި ރަފްކޮޕީއެއްގައި ސޮއިކޮށްފައި އަސްލުގައި މާދަމާ ސޮއިކުރާގޮތަށް ހަމަޖެހުނެވެ. އޭރުން ވެސް ގިނައިން މާލެއަށް އާދެވޭނެތާއެވެ.


މިއަދު ކޯޓުކައިރިން، ދޮންދައްތައާއި އިފުއާއި ވިދާދާ ދިމާވިއެވެ. ގޭގެ ޚަބަރުދަބަރު ސާފުވިއެވެ. މާމަގެ ހާލުރަނގަޅެވެ. އަހުރެން ފެނުމުން ބޮޑުބައި ރަނގަޅުވީއެވެ. ދޫނިދޫ ކުޑަގޮޅީގައި ހުރި، އަބްދުﷲ ސަލީމާއި އަބްދުﷲ ހުސައިން ގާމާދޫޖަލަށް ކ.ހިންމަފުއްޓަށް ބަދަލު ކޮއްފިކަމަށް ދޮންދައްތަ ޚަބަރުދިނެވެ. ޖަލުގެ ޚަބަރުތައް ވެސް މިލިބެނީ މާލޭންނެވެ. މަޖަލެވެ. ހުކުމްތައް ނިމޭވަރަކަށް ގާމާދޫ ޖަލަށް ބަދަލުކުރަން ފެށީ ކަމަށް ލަފާކުރެވުނެވެ.


4 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 256 ވަނަ ދުވަހެވެ. މިއަދު ކުރީދުވަހު ހަމަޖެހިފައި ވާގޮތަށް، ކޯޓުނަންބަރު ހައެކަށް ހާޒިރުކުރިއެވެ. ކަޓޫރަބޮމުގެ ޝަރީއަތުގެ މަޖިލީހުގައި ނެގުނުބަޔާނުގެ އަސްލު، މަޙްޟަރުކޮށް އޭގައި ސޮއި ކުރުވުމަށެވެ. އަޅުގަނޑު ކިޔާލުމަށް ފަހު، އަޅުގަނޑު އިއްޔެގެނައި އިސްލާހުތައް ގެނެވިފައި ހުރުމުން ލަސްނުކޮށް ސޮއި ކޮށްލައިފީމެވެ. ސޮއިކޮށް ނިމުމުން އަޅުގަނޑު ގެންދިޔައީ ސިފައިންގެއަށެވެ.


ސިފައިންގެއިން މާލަސްތަކެއް ނުކޮށް ދޫނިދޫއަށް ގެނައެވެ. ދެން މިހާރު ނުނިމި ހުކުމް ނީއްވާ އޮތް ދެމައްސަލައަކީ، މިބޮމުގެ މައްސަލައާއި މަންތިރީގެ މައްސަލައިގެ ހުކުމެވެ. އެހެންހުރިހާ މައްސަލަތަކެއް ވަނީ ނިމިފައެވެ. މިދެމައްސަލަ ވެސް ނިމުމުން ހުރިހާ ހުކުމްތަކެއް އަޅުގަނޑަށް އިއްވާ ނިމޭނެއެވެ. ދެންބާކީ އޮންނާނީ މިދެކަމުގެ ހުކުމް އިއްވުން އެކަންޏެވެ. އޭރުން އަޅުގަނޑު މައްޗަށް ދައުވާކުރެވުނު ހަތަރު މައްސަލަ ނިމުނީއެވެ.


9 ސެޕްޓެމްބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 261 ވަނަ ދުވަހެވެ. މިއަދުކޯޓު ނަންބަރު ހައަކަށް ހާޒިރުކުރިއެވެ. ނުނިމިއޮތް ދެމައްސަލައިގެ ހުކުމް އިއްވުމަށް ކަންކަށަވަރު ކުރެވުނެވެ. ޝަރީޢަތުގެ މަޖިލިސް ފެށުނީހެދުނު، 11:30 ގައެވެ. ދެހުކުމްވެސް ގާޒީ އިއްވެވީ ޖެހިޖެހިގެންނެވެ. ފުރަތަމަ މަންތިރީގެ މައްސަލައިގެ ހުކުމެވެ.


މަންތިރި މައްސަލައިގެ ހުކުމް އިއްވުން:


އަޅުގަނޑު މަންތިރީގައި ލިޔެފައިއޮތް މަޒްމޫނުގައި ހަގީގަތާޚިލާފު ވާހަކަތައް ހުރެގެން އިއްވެވި ހުކުމެކެވެ. އެފަދަ އަމަލެއް ކުރިކަން ސާބިތު ވީތީ، 6 މަސް ދުވަހަށް އަރުވާލުމަށް ގާޒި ހުކުމް ކުރެއްވީއެވެ. މިލިންކުން އެމަޒުމޫނު ކިޔާލަން ފެނިވަޑައި ގަންނަވާނެއެވެ. އަދި ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމަކީ، ޓެރަރިޒަމްގެ އަމަލަކަށް ވެފައި އެއަމަލު ބަޔަކު ކުރިކަން އަންގަންވާ ރަސްމީ ފަރާތަށް ނާންގައި ހުރުމުގެ ކުށް ސާބިތުވީތީ، 3 އަހަރު ދުވަހަށް ޖަލަށްލުމަށް ގާޒީ، ހުކުމް ކުރެއްވީއެވެ. ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުއްލެވި، 4 ދައުވާ މިހާ ހިސާބުން މިނިމުނީއެވެ.


އާދެ! މިއަދުގެ ފުރަތަމަ ހުކުމްއިއްވީ މަންތިރި މައްސަލައިގައެވެ.

މިޝަރީޢަތުގެ ގަޒިއްޔާނަންބަރަކީ، 91/6-ސީޖޭ/61 އެވެ.

ދައުވާފޯމް ނަންބަރަކީ، ޅ.91/36 އެވެ.

ދައުވާ ކުރާފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ.

ގަޒިއްޔާގެ ބާވަތަކީ، ހަގީގަތާޚިލާފު ވާހަކަތަކެއް ނޫހެއްގައި ޝާއިޢުކޮށް އެންމެންގެ ތެރެއަށް ނެރެންއުޅުން.

ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވި ފަރާތަކީ، އެޓަރނީ ޖެނެރަލްއޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ.

މައްސަލަ ހުށަހެޅުނު ތާރީޚަކީ، 6 ފެބްރުއަރީ 1991 އެވެ.

މައްސަލަ ނިމުނުތާރީޚަކީ، 9 ސެޕްޓެމްބަރ 1991 އެވެ.

ދައުވާލިބޭ ފަރާތަކީ، އަޅުގަނޑު ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމެވެ.


ދައުވާގެ ޚުލާސާ:


ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، ހަގީގަތާޚިލާފަށް ވާހަކަތަކެއް ނޫހެއްގައި ޝާއިޢުކޮށްގެން އާންމުންގެ ތެރެއަށް ނެރެންއުޅުމުގެ ކުށުގެމައްޗަށެވެ. މިކަންހިނގާފައިވާ ގޮތެއްކަމަށް މިގަޒިއްޔާގައި ވަކާލާތު ކުރެއްވުމަށް ހާޒިރުވެވަޑައި ގެންނެވި އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓްއެޓަރނީ މުހަންމަދު ތައުފީގު ވިދާޅުވަނީ، މީނާ “މަންތިރި” ނޫހުގެ ފުރަތަމަ އަދަދުގައި ހަގީގަތާޚިލާފު ވާހަކަތަކެއް ލިޔެފައިވާތީ ކަމަށާއި މީނާގެމައްޗަށް ދައުލަތުން ދައުވާކުރައްވަނީ، ގާނޫނުލް އުގޫބާތުގެ 125 ވަނަމާއްދާގެ ދަށުންކަމަށެވެ.


ދައުވާލިބޭފަރާތުގެ ވާހަކަތައް:


މިދައުވާއާމެދު ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމްގެ ބަހަކީ ކޮބައިތޯ ޝަރީޢަތުގެ ފަރާތުން ސުވާލުކުރުމުން ބުނަނީ، ތިރީގައި މިވާގޮތަށެވެ.


އަޅުގަނޑުގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާއާ ގުޅޭގޮތުން ދަންނަވަމެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި ތެދުބަހުން ދަންވަންއޮތީ، “މަންތިރި” މަޖައްލާއަކީ، ރާއްޖޭގައި ނެރޭ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން، އަޅުގަނޑުގެ މަސްއޫލުވެރި ކަމުގެދަށުގައި ނެރުމަށް މަސައްކަތް ކޮށްގެން ނެރުނު މަޖައްލާއެކެވެ. އެކަމަކު މަންތިރި މަޖައްލާ އަޅުގަނޑަށް ނެރެވޭގޮތެއް ނުވިއެވެ. ސަރުކާރުން ހުރަސްއެޅުއްވީއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާކަމުގައިވާ އިންފޯރމޭޝަނުގައި ގާނޫނީގޮތުން ރަޖިސްޓްރީ ކޮށްދެއްވިއެވެ.


ރާއްޖޭގެ ޗާޕްޚާނާއަކުން ޗާޕްކޮށްނުދީގެން ޗާޕްކުރީ ސްރީލަންކާ އިންނެވެ. އެހެނަސް މާލެ ގެނައިތަނުން އެއަރޕޯޓުން މަންތިރިތައް ހިފޭއްޓުމުން އެމަޖައްލާ ރައްޔިތުންނާ ހަމައަށް ރަސްމީކޮށް ގެނެސްދެވޭ ގޮތެއް ނުވިއެވެ. އެއަރޕޯޓުން މިނިސްޓްރީ އޮފް ޑިފެންސަށް ގެންދަވައި އެމަޖައްލާތަކަށް ހެއްދެވިގޮތެއް ހައްދަވައި ނިންމާލެއްވީ ސަރުކާރުންނެވެ. ފަހުން އެނގުނު ގޮތުގައި އަންދާލާއި ވުޖޫދުން ނައްތާލީއެވެ.

.

އަޅުގަނޑަށް އޭގެބަދަލެއްގެ ގޮތުގައި ދެއްވީ، އަޅުގަނޑު ހުށަހެޅި އެސްޓިމޭޓަކަށްވާ ފައިސާގެ އަދަދު ކަމުގައިވާ ފަންސަވީސްހާސް ރުފިޔާއެވެ. އަޅުގަނޑަށް އިންފޯރމޭޝަނުން އެފައިސާ ދެއްވިއެވެ. މިއީ އަޅުގަނޑާ ދޭތެރޭގައި ރައީސް މައުމޫނު ބެހެއްޓެވި ރީތި އިންސާފުވެރި ހަމައެކެވެ. ކޮންފިސްކޭޓް ކުރެވުނު އެހެން އެއްވެސް މަޖައްލާ އަކަށް ސަރުކާރުން ބަދަލު ދެއްވާފައެއް ނުވެއެވެ. މިކަންހިނގީ ރައީސް މައުމޫނަށް ދެތިން ހަތަރު ސިޓީ ތަކުރާރުކޮށް ލިޔެގެންނެވެ.


އަޅުގަނޑު އަޖައިބުވެ، އަންތަރީސް މިވަނީ، ރައްޔިތުންނާ ހަމައަށް ރަސްމީކޮށް ނުނެރެވިއޮތް، އެހެނަސް ރަޖިސްޓްރީ ކުރެވިފައިވާ މަޖައްލާއެއްގައި އަޅުގަނޑު ލިޔެފައިހުރި ވާހަކަތަކަކާ މެދު، ދައުލަތުން އަޅުގަނޑާ ދައުވާކުރާތީއެވެ. އަޅުގަނޑުގެ މަޒްމޫނުގައި ހަގީގަތުގައި ހަގީގަތާ ޚިލާފު ވާހަކައެއް ލިޔެފައެއް ނޯންނާނެއެވެ. އަޅުގަނޑު ވަޒީފާ އަދާކުރާތަނަކީ އިސްލާމީ މަރްކަޒެވެ.


އެތަނުގެ ގޮތުން، އަޅުގަނޑާ ބައްދަލުވި އިންޑިޔާގެ ހަނގުރާމަ މަތީ މަނަވަރެއް ކަމުގައިވާ، އައިއެންއެސް ގޯދާވަރީގެ ހެލިކޮޕްޓަރ ދުއްވަންއުޅޭ ފްލައިޓް އިންޖިނޭރެއް ދެއްކި ވާހަކައެއް، އޭނާއެހެދީ ދޮގުކަން މީހުންނަށް އަންގައިދިނުމުގެ ގޮތުން އަޅުގަނޑު މަންތިރީގައި، 3 ނޮވެމްބަރ 1988 ގެހަމަލާ، މިއޮތްގޮަތަށް ތާރީޚަށް ވަދެނިމޭނީތޯ؟ މިސުރުޚީގެ ދަށުންލިޔުނު މަޒްމޫނެއްގައި ހާމަކޮށްދީފައި ވާނެއެވެ. އަޅުގަނޑު އެމަޒްމޫނުގައި ލިޔެފައި އޮންނާނީ، އޭނާއެވާހަކަ ބުނީމާ، އަޅުގަނޑުމެންނަށް ހެއްވާ ވާހަކަ އަކަށްވީ ކަމުގެ ވާހަކައެވެ.


އޭނާބުނަނީ، ދިވެހި ސިފައިންގެ ތެރެއިން ހެލިކޮޕްޓްރެއްގައި ގޯދާވަރީއަށް ގެންދިޔަ ދިވެހިންނޭ ހޮސްޓެޖުން ގަޔަށް ބަޑިޖެހީ، އެހެނަސް އަޅުގަނޑަށް ވެސް ސާފުކޮށްއެނގޭ، ގޯދާވަރީގެ ކެޕްޓަން މާލޭފައިބާ ތޮށިގަނޑު މަތީގައި ހުންނަވައިގެން ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައި ވަނީ، ހޮސްޓެޖުން ގަޔަށް ޕްރޮގްރެސްލައިޓަށް ބަޑިޖެހީ "އަހަރުމެންނޭ" މިހެންނެވެ. ވަކިބަޔެކޭ ނަންލާފައި ބުނެފައެއް ނެތެވެ. އޭނާއެއް އިންޑިޔާ ސިފައިންނެކޭ ނުވަތަ ދިވެހި ސިފައިންނެކޭ ވެސް ބަޑިޖެހީ ބުނެފައެއް ނެތެވެ.


ދެން އެހެންވުމުން އިންޑިޔާގެ އިންޖިނޭރު އަޅުގަނޑު ކައިރީގައި އެހެދީދޮގެއްކަން އަންގައިދިނުމުގެ ގޮތުން، އަޅުގަނޑުގެ މަޒްމޫނުގައި އެވާހަކަ އިންޖިނޭރާ ހަވާލާދީ ލިޔެފައި އެއޮތީ ހާމަކޮށް ފެންނާށެވެ. މިވާހަކަ މަޒްމޫނުގައި އަޅުގަނޑު ހިމެނީ، ހެއްވާ ވާހަކަތައް، ލިޔުމުގައި ގެނައުމަކީ ލިޔުންތެރި ކަމުގެ ހުނަރަކަށް ވެފައި މަޒްމޫނުގައި މަޖާ ވާހަކައެއް ވެސް ލިޔެލުމުގެ ބޭނުމުގައެވެ. މިއީ ލިޔުންތެރިންގެ ބަލާޣާތްތެރި ކަމުގެތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ. އެހެން އެއްވެސް މަގްސަދެއްގައި ލިޔުނު ވާހަކައެއް ނޫނެވެ.


އެއީ އެއްގޮތަކަށް ވެސް ހަގީގަތާޚިލާފު ވާހަކައެއްގެ ޚަބަރުދީ ހާމަކުރުމުގެ ގޮތުން ލިޔުނު ވާހަކައެއް ނޫނެވެ. އެއްވެސް ހާލެއްގައި އެނިޔަތުގައި ލިޔުނު މަޒްމޫނެއް ނޫނެވެ. މިވާހަކަ އިންޖިނޭރު އަޅުގަނޑާ ދެއްކިއިރު އެތާނގައި އިސްލާމީ މަރްކަޒުގެ އަލީނުލްމަކްތަބާ، އަލްފާޟިލް އިބްރާހީމް ޞާބިރު އިންނަވާނެއެވެ. އޭނާ ދެއްކި ވާހަކަތައް ޞާބިރަށް ރަނގަޅަށް އަޑުއިވޭނެއެވެ. އޭނާ އެހެންބުނުމުން އަޅުގަނޑުމެންނަށްވީ ވަރަށް ހެއްވާ ވާހަކަ އަކަށެވެ. ހަގީގަތާޚިލާފަށް މަޖަލަށް ނަމަވެސް އޭނާބުނީ ބަޑިޖެހީ ދިވެހިސިފައިންނެވެ. އަހަރުމެންނެކޭ ނޫނެވެ. ހަގީގަތަކީ، މަނަވަރުން ބަޑިޖެހީ ދިވެހިންގެ ހާޒިރުގައި ދިވެހިސިފައިންގެ ހުއްދަލިބިގެން އިންޑިޔާ މަނަވަރުގެ ބަޑިވެރިންނެވެ.


އަދި އާދަމްޒާހިރު އެމަނަވަރުގެ ހައިންޗީގެ ބޮޑެތިވަޒަން ފޮނުވާލެވޭވަރުގެ ބޮޑުބަޑީގައި އިންނަވައިގެން ޕްރޮގްރެސްލައިޓަށް އެފަދަބޮޑެތި ވަޒަންތައް ފޮނުވާލީ އެބޭފުޅާ ނޫންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑުގެ ނިޔަތުގައި އޮތީވެސް އެގޮތަށެވެ. އަދި އެ އަނިޔާވެރި ހާދިސާގައި ބޮޑެތި އަނިޔާތައް ލިބުނު ބޭފުޅުން ކަމުގައިވާ، އޮނަރަބްލް އަހްމަދު މުޖްތަބާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަލްފާޟިލް އިސްމާޢީލް ނަސީރަށް ވެސް މިކަން ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ.


އެހެނަސް އާދަމްޒާހިރު އިންޑިޔާގެ އެމަނަވަރުގައި ދުރުމި އަޅުއްވައިގެން ބަޑިޖެހިތަން ބައްލަވަން އިންނެވިކަމަށް އެމީހުންގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ. އިންޑިޔާގެ ނޫސްތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް ދިވެހި ސިފައިން އެމަނަވަރުގައި އެވަގުތު ތިބިކަން އަޅުގަނޑަށް ސާބިތުވެއެވެ. މިކަންވަނީ އަޅުގަނޑަށް ސާފުކޮށް އެނގި ކަށަވަރު ވެފައެވެ. އަޅުގަނޑުގެ މަޒްމޫނުގައި މިވާހަކަތައް ގެނައީ އަޅުގަނޑުގެ ޒަމީރަށް ފެންނަޚިޔާލެއްގެ ގޮތުގައެވެ. އެއީ އަޅުގަނޑުގެ އޮޕީނިއަން އެކެވެ. ލިޔުނު ޚަބަރެއް ނޫނެވެ. ބަޔަކަށް ދެވުނު ޚަބަރެއް ނޫނެވެ!


އަޅުގަނޑުގެ ޒަމީރަށް ފެންނަޚިޔާލެއް ވިއްޔާ ހާމަކުރުމުގެ ހައްގު އަޅުގަނޑަށް ލިބެން ޖެހޭނެ ތީއެވެ. ޚިޔާލުފާޅުކޮށް ސަމާސާ ބަލާޣާތުން ލިޔެ ޚިޔާލުފާޅު ކުރުމަކީ، ރައީސް މައުމޫނު ތައުރީފް ކުރައްވާއި މަރްހަބާ ވިދާޅުވެފައި ކަމެކެވެ. އެމަނިކުފާނުވަނީ، މިނިވަން ކަމާއެކު ޚިޔާލުފާޅުކޮށް ލިޔުންތެރިކަން ކުރިއެރުވުމަށް ގޮވާލައްވާފައެވެ. ރިހިގަލަމާއި ރަންގަލަން ރައްޔިތުންގެ ތެރެއިން ލިޔުންތެރިންނަށް ބައްސަވާފައެވެ. އ.ދގެ ގަރާރުތަކާއި މިންގަނޑުތަކުން އަޅުގަނޑުގެ މަޒްމޫނު ހިމެނޭނީ މައުލޫމާތު ފޯރުކޮށް ދިނުމުގެ ހައްގުގެ ތެރެއިންނެވެ.


ތިޔަފާޑުކިޔުމަކީ، އެގޮތުގެމަތިން އަޅުގަނޑު ކިޔާފައިވާ ފާޑުކިޔުމެކެވެ. އަޅުގަނޑުގެ ޚިޔާލެވެ. ހަގީގަތަށް ހައްދަވާކަށް ނުޖެހެއެވެ. އެއީ ލިޔެ އިއުލާނު ކުރެވުނު ޚަބަރެއްނޫނެވެ! އެމީހެއްގެ ޒަމީރަށް ފެންނައެއްޗެއް ލިޔެފާޅު ކުރުމަކީ، ކުށަކަށް ވެގެން ނުވާނެއެވެ. ދެން އަޅުގަނޑުގެ އަނެއް މައްސަލައަކީ، މިހާބޮޑު ހާދިސާއެއް ހިނގާދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ދައުރުކުޑަ ކަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިކަމާގުޅޭ ގޮތުން ވަރުގަދައަށް ބަހުސް ކުރެވެން ޖެހޭނެއެވެ. ހިނގާދިޔަ ހުރިހާކަމެއް އެތަޅުމުގެ ބަހުސަށް ވަންނަން ޖެހޭނެއެވެ. ގެނެވެން ޖެހޭނެއެވެ.


ގަޑިއެއްހާ އިރުތެރޭގައި ފާސްކޮށްލާ ގަރާރަކުން ފުއްދާލައިގެން ނުވާނެއެވެ. އެއީ ދުންބަޑިގޮތަށް ކަރުދާސްބަޑޮއެވެ. ބައިނަލް އަގްވާމީ ކަނޑުގައި ޕުރޮގްރެސްލައިޓް އިންދާ ބޭރުގައުމެއްގެ ހަނގުރާމަތީ މަނަވަރަކުން ހޮސްޓެޖުން ގަޔަށް ބަޑިޖަހަން ޖެހުނު ހުރިހާ ސިއްރުތަކެއް އެމަޖިލީހުގައި ބަހުސްކުރެވެން ޖެހޭނެއެވެ. ވަރަށްފުންކޮށް ހުރިހާދިމާއަކަށް ބަލާލެވެން ޖެހޭނެއެވެ. މަރުވިމީހުން މަރުވީކިހިނެތް ކޮންބައެއްގެ ވަޒަނުންތޯ ސާފުކޮށް ދިރާސާކުރެވެން ޖެހޭނެއެވެ. ހޮސްޓެޖުންނާ ބެހޭގޮތުން ހައިޖެކަރުންނާއި އިންޑިޔާ ސިފައިންނާއި ދިވެހި ސިފައިން ދެއްކި ހުރިހާ ވާހަކަތަކެއް ރައްޔިތުންގެ މަޖިލީހަށް ވަރަށް ސާފުކޮށް އެނގެންޖެހޭނެއެވެ. ޔައުމިއްޔާ ކުރެވެންޖެހޭނެއެވެ. އަރުޝީފުކުރެވިފައި ފެންނަން ހުންނަން ޖެހޭނެއެވެ!


ދިވެހި ސިފައިން އެމަނަވަރަށް އަރުވަންޖެހުނީ ކީއްވެގެންކަން އެނގެން ޖެހޭނެއެވެ. ހޮސްޓެޖުންނާއި ހައިޖެކަރުންނާއި ދިވެހި ސިފައިންނާއި ރައީސް މައުމޫނާ ދެމެދު ދެކެވުނު ހުރިހާ ވާހަކަތަކެއް މަޖިލީހުގެ ތަޅުމަށް އަންނަން ވާނެއެވެ. ދިރާސާ ކުރެވެން ޖެހޭނެއެވެ. ހޮސްޓެޖުންގެ ފަރާތުން ވާހަކަދައްކަވަމުން ގެންދެވި ބޭފުޅާ، އޮނަރަބްލް އަހްމަދު މުޖްތަބާގެ ވާހަކަފުޅުތައް ދިރާސާކުރެވެން ޖެހޭނެއެވެ. ހައިޖެކަރުންގެ ފަރާތުން ހާޖަރާގޭ އަބްދުﷲ ލުޠުފީ ހުށަހަޅަމުން ގެންދިޔަ ކަންތައްތައް ވަރަށް އަޑިއެނގޭގޮތަށް ސާފުވާން ޖެހޭނެއެވެ.


އެއީކޮންފަދަ ޝަރުޠުތަކެއްކަން ސާފުވާން ޖެހޭނެއެވެ. ވަކިހިސާބަކަށް ދާންހުއްދަ ދިނުމުން ބޯޓާއި ހޮސްޓެޖުން ދޫކޮށް ހައިޖެކަރުން ފިލައިގެން ދާން އެދުނީ ކިހާވަރަކަށްތޯ ބަލަން ޖެހޭނެއެވެ. އޮނަރަބްލް މުޖްތަބާ އެވާހަކަތައް ކުރިޔަށް ގެންދިއުމަށް އެދިއާދޭސް ކުރެއްވީ ކިހާވަރަކަށްތޯ، ކީއްވެތޯ ބަލަން ޖެހޭނެއެވެ. އެވާހަކަތަކުގެ ރެކޯޑިންތައް މަޖިލީހުގެ ތަޅުމަށް ގެނެވެން ޖެހޭނެއެވެ.


މިހާދިސާ ތެރޭގައި ކަނޑުމަތީގަޔާއި މާލޭގެ އެއްގަމުގެ ސަރަހައްދުގައި ހިންގި ހަނގުރާމައިގާ ވަޒަންތައް ދަތުރުކޮށްފައި ހުރި މިސްރާބުތަކާއި މަރުވި މީހުންގެ މަރުހިނގާ ދިޔަގޮތް ރައްޔިތުންގެ މަޖިލީހަށް ސާފުވާން ޖެހޭނެއެވެ. ކިހާވަޒަނެއް ތަނެއްދޮރެއްނުބަލާ އޮޓޯމެޓިކް މޯޑުގައި ދިވެހިސަފައިން، ސިފައިންގެ ތެރެއިން ބުރުއްސިތޯ ވެސް ސާފުވާންޖެހެއެވެ. އޭކޭ 47 ބަޑިން އޮޓޯމެޓިކް މޯޑުގައި މިނެޓަކު، 600 ރައުޑް ވަޒަން އުދުހޭނެއެވެ.


މިކަންކަމަކީ، ދިރާސާކުރެވި ބަހުސްކުރެވެން ޖެހޭނެއެވެ. ލިޔެވިފެންނާން ހުންނަން ޖެހޭ ކަންތަކެވެ. އަޅުގަނޑު މެންނަށް އެނގޭހާވެސް މިންވަރަކީ، ވަކިއަދަދަކަށް މީހުންމަރުވި ކަމެވެ. ކޮންގޮތަކަށް ކިހިނެތް މަރުވި މީހުންކަމެއް އަދިއަދާ ހަމައަށް ވެސް ރައްޔިތުންނަކަށް ނޭނގެއެވެ. މަރުވި މީހުންގެ އާއިލާތަކަކަށް ވެސް ނޭނގެއެވެ. މިހާތަނަށް ވެސް އޮތީ އޮޅުންނުފިލައެވެ.


މަރުވީ ކޮންބައެއްގެ ބަޑިތަކުން ކޮންބައެއް ތަޅާ ބުރުއްސި ވަޒަން ތަކަކުން ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އެނގޭއެއްޗަކީ، ހޮސްޓެޖުންގަޔަށް ވަޒަންތައް ތަނެއްދޮރެއް ބެލުމެއްނެތި ބުރުއްސީ އޭގައި ތިބި ޓެރަރިސްޓުންނެއް، ނުވަތަ ހައިޖެކަރުންނެއް ނޫންކަމެވެ. މަޢުޞޫމް ހޮސްޓެޖުންތަކެއް މިހާގިނައިން މަރުވާން ޖެހުނީ، ކާކުގެ އޯޑަރަށް ކޮންބައެއްޖެހި ވަޒަންތަކަކުންކަން ވަރަށް ސާފުކޮށް އެބައެނގެން ޖެހޭ ކަމެވެ.


ހޮސްޓެޖުންގެ ތެރެއިން މިހާގިނަބަޔަކު މަރުވެ، ބޮޑެތިއަނިޔާތައް ލިބެންޖެހުނު ސަބަބު އަޅުގަނޑުމެން، ދިވެހި ރައްޔިތުންނަށާއި އެއާއިލާތަކަށް އެނގެންޖެހޭނެޔޭ އަޅުގަނޑު ބުނެފައި އެއޮތީ ވަރަށް ވިސްނުމަށް ފަހު ދިވެހިގައުމުގެ ދިފާޢުގައެވެ. ދިވެހި ރައްޔިތުންގެ އެންމެންގެ ހައްގުގައެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ދިފާޢުގައެވެ. އަޅުގަނޑުގެ އެމަޒްމޫނުން ދޭހަވާނީ، މިނޫން ވާހަކައެއް ނޫންކަމުގައި ވަރަށް ޔަގީންކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އަދިވެސް ދުނިޔޭގައި އަލްފާޟިލް އިސްލާޢީލް ނަސީރާއި އޮނަރަބްލް އަހްމަދު މުޖްތަބާމެން ބޭފުޅުން ދިރިދެމި އެބަތިއްބެވިއެވެ.


އަޅުގަނޑުގެ ހުރިހާ ވާހަކައަކީ ވެސް، 3 ނޮވެމްބަރުގެ މި ހާދިސާ މިހާރު މިއޮތް ވަރަށްވުރެ މާ ބޮޑަށް މާ ފުޅާކޮށް ތަހުގީގު ކުރެވެން ޖެހޭނެ ވާހަކައެވެ. އަޅުގަނޑަށް ހުކުމް އިއްވުމުގެ ތެރޭގައި އިއްޒަތްތެރި ގާޒީ މިކަންތައް ތަހުގީގުކޮށް ދެއްވަންވީ ނޫންތޯއެވެ؟ މިއީ ވެސް ޝަރީއަތުގެ ބައިތަކެވެ. ދައުލަތުގެ ވަކީލު އެވިދާޅުވަނީ އިންޑިޔާ އިންޖިނޭރުގެ ނަމެއްނެތޭ އޭނާއަކީ ކާކުކަމެއް ނޭނގެޔޭ! އިއްޒަތްތެރި ގާޒީއެވެ! އެއީކާކުކަމެއް ލިޔާކަށް ނުޖެއެވެ. މިއީ ޚަބަރުދިނުމަށް ލިޔާބަޔާނެއްނޫނެވެ. އެހެންވެ ބުނެދޭކަށް ނުޖެހެއެވެ. އަޅުގަނޑަށް ވެސް، އަދި ދިވެހި ރައްޔިތުންނަށް ވެސް އެއީކާކުކަމެއް ކޮންމެހެން އެނގޭކަށް ނުޖެހެއެވެ. މަޖްބޫރެއްނޫނެވެ.


އެއީކާކުތޯ ބަލާކަށް ވެސް މިތާކު ނުޖެހެއެވެ. މަނަވަރުން މާލެފޭބީ ކޮންބައެއްތޯ ބަލަންވީ ދައުލަތުންނެވެ. އޭނާގެ ވާހަކަ އަޅުގަނޑު ގެނެސްފައި އެވަނީ، އޭނާ އެދެއްކި ދެކޮޅުނުޖެހޭ ވާހަކަ ފުލޯކެއްގޮތުގައި ބުނެލަދީ މަޒްމޫނު މަޖާކޮށްލާއި ސަމާސާއަދަބު ހިމަނާލުމަށެވެ. އެއްގޮތަކަށް ވެސް ހަގީގަތާޚިލާފު ވާހަކައެއްގެ ޚަބަރު ގެނެސްދޭކަށް ނޫނެވެ. އަދި އެފަދަވާހަކައެއް ދައްކާކަށް ވެސް ނޫނެވެ.


މިމަޒްމޫނަކީ، އަޅުގަނޑުގެ އަމިއްލަޚިޔާލާއި ވިސްނުމެއް ހާމަކުރުމެވެ. އެހެންއެއްވެސް އެއްޗެއްނޫނެވެ. ޚާއްސަކޮށް ނިއޫސްއެއް، ޚަބަރެއް ނޫނެވެ. ޚިޔާލެވެ. މިއީ ޚިޔާލީފާޑުކިޔުމެކެވެ. މީގައި ހަގީގަތާޚިލާފު ވާހަކައެއް ވާނަމަ، އިއްޒަތްތެރިގާޒީ ޕޮއިންޓުންޕޮއިންޓަށް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑަށް ވިސްނޭވަރަށް ތިލަކޮށް ސާފުކޮށް ދެއްވުން ވަރަށްބޮޑަށް އެދެމެވެ. މިއީޝަރީޢަތެކެވެ!


ރައްޔިތުންނާ ހަމައަށް މިމަޒްމޫނު ނުކުމެއްޖެ ނަމަ، ރައްޔިތުންގެ ހިތުގައި މިސަރުކާރާ ދޭތެރޭގައި ފިތުނަފަސާދަ އުފެދޭނެ ވާހަކައެއް މިމަޒްމޫނުގައި އޮތިއްޔާ ޕޮއިންޓުން ޕޮއިންޓަށް ވިދާޅުވެ ދެއްވާށެވެ. އެވާހަކަތަކަކީ ކޮބައިކަން އަޅުގަނޑަށް ވިސްނައި ދެއްވާށެވެ. ސާފުކޮށްދެއްވާށެވެ. އެނގެންބޭނުމެވެ. އަންގައި ދެއްވާށެވެ. އެއީ ޝަރީއަތުގައި ހާމަވެ ސާފުވާންޖެހޭ އުންސުރެކެވެ. ހުކުމެއް އިއްވަވަން ވާނީ، މި ހުރިހާ މަގަކުން ބައްލަވާފައި އޭގެ ފަހުންނެވެ.


އަޅުގަނޑުގެ ބަޔާނަކީ ފުލުހުންނަށް، އެމީހުންގެ ބޭނުމަށް އެމީހުންލިޔެ، އަޅުގަނޑު ލައްވާ ގަދަކަމުން ސޮއިކުރުވާފައިވާ އަނިޔާވެރި ބަޔާނެކެވެ. އެއީ ފުލުހުންގެ ބޭނުމަށް ދީފައިވާ ސޮއެކެވެ. އެއީ ޝަރީޢަތުގެ މަޖިލީހަށް ހެއްކަކަށް ދިފައިވާ ބަޔާނެއް ނޫނެވެ. ސިފައިންގެ މައުލޫމާތަށާއި ސިފައިންގެ އަމިއްލަ ބޭނުންތަކަށް ދިންބަޔާނެކެވެ. ޝަރީޢަތުގެ ހެއްކަކަށް އެވާހަކަތައް ބޭނުން ކުރައްވައިގެން ނުވާނެއެވެ. އެއީ އިއްޒަތްތެރި ގާޒީއަށް ހުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބަޔާނެއްނޫނެވެ.


މަނިކުފާނު މުޅިމައްސަލަ ބައްލަވާއި އިޖްތިހާދު ކުރައްވައިގެން ނިޔާކަނޑަ އަޅުއްވާށެވެ. ދެޚަސްމުންނަށް އެންމެފުނަށް، އެންމެއަޑި ވިސްނޭވަރަށް ތިލަކޮށް ދެއްވާށެވެ. ގާޒީއަށް ޖެހިވަޑައި ގަންނަވާނީ މިކަމުގައި ޝާމިލްވި ހުރިހާފަރާތެއް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރައްވައިގެން ހެއްކާއިގަރީނާ ހޯއްދަވައިގެން އިންސާފުވެރި ނިޔާއެއް ހޯއްދަވާށެވެ. ބަޔަކުދޭހާ އެއްޗެއްގެ މައްޗަށް ޝަރީޢަތް ނިންމަވާ ލައްވައިގެން ނުވާނެއެވެ. ﷲގެ ރަސޫލާ ހަދީސް ކުރައްވާފައި ވަނީ، އިންސާފުން ނެއްޓޭކޮންމެ ދެގާޒީއަކުން އެއްގާޒީ އޮންނަވާނީ ނަރަކައިގެ އަލިފާނުގައި ކަމަށެވެ.


އަދިވެސް އިއްޒަތްރެތިގާޒީއަށް ދަންނަވަމެވެ! މިމަޒްމޫނަކީ، އަޅުގަނޑުގެ ޒަމީރަށްފެނުނު ޚިޔާލީފާޑުކިޔުމެކެވެ. ލިޔުމެކެވެ. ހަގީގަތާޚިލާފު ވާހަކަތަކެއް ޚަބަރެއްގެ ގޮތުގައި އާންމުކުރި ބަޔާނެއް ނޫނެވެ. އެމަޒްމޫނުގައި އެއްވެސް ވާހަކައެއް ހަގީގަތާޚީލާފަށް އަޅުގަނޑު ލިޔެފައެއް ނުވާނެއެވެ. ދެން ދައުލަތުން ބޭނުންފުޅު ވެއްޖެ ހިނދެއްގައި، މި ސިސްޓަަމުތެރޭގައި އިއްޒަތްތެރި ގާޒީލައްވާ ދައުލަތުން ކޮންމެގޮތެއް ވެސް އަޅުގަނޑަށް ހެދިދާނެއެވެ. މިހާތަނަށް ވެސް ހައްދަވަމުން ތިޔަ ގެންދެވީ ނޫންތޯއެވެ! ފަނޑިޔާރެއްގެ ޒިންމާ ވަރަށް މަތިވެރިވެފައި ބޮޑެވެ. އެހެނަސް އަޅުގަނޑާ ދޭތެރޭގައި ދިމާވެފައިހުރި ގިނަކަންތަކުގައި ހައްދަވާފައި ހުރީ އެހެންނެވެ. އެގޮތަށެވެ. އިންސާފެއް ނުލިބުނެވެ.


އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތުގެ ކެސެޓްރޯލްގެ މައްސަލާގައި ވެސް ކުށްކުރި ހަގީގީމުޖްރިމް ކަލޭގެ މިނިވަން ކަމާއެކު ދޫކޮށްލައްވާފައި ބެހެއްޓެވުމަށް ފަހު، އަޅުގަނޑު މެންކަހަލަ އެރޯލްއަޑުއެހި ނިކަމެތި މީހުންނަށް ވަނީ އިއްޒަތްތެރިގާޒީ ގާނޫނުލް އުގޫބާތުން ނިޔާކަނޑަ އަޅުއްވާފައެވެ. ކުށްކުރިމީހާ ކޯޓާހަމައަށް ގާޒީގެކުރިފުޅު މައްޗަށް ގެންނަވާކަށް ކެރިވަޑައި ނުގަތެވެ. އިންސާފަކީ އެއީތޯއެވެ؟ އިޖްތިހާދު ކުރެއްވުމަކީ އެއީތޯއެވެ؟


ދިވެހި ގައުމުގައި އިންސާފެއް ނެތެވެ! އިއްޒަތްތެރި ގާޒީން ތިއްބަވަނީ ސަރުކާރުގެ ވެރިންގެ ދަށުވެފައެވެ. ގާޒީން ތިއްބަވަނީ ރައީސްމައުމޫނުގެ އަޅުންނަށް ވެފައެވެ. މިހާ ހިސާބުން ދައްކަންހުރި ހުރިހާ ވާހަކަތަކެއް މިކަމާ ގުޅިގެން ދައްކާނިމުނީއެވެ. އިއްޒަތްތެރި ގާޒީއަށް ތިޔަގެނެސް ދެއްވާ އިންސާފަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ. ސާބަސްދަންނަވަމެވެ. މަރްހަބާއެވެ!


ފާހަގަކުރެވޭ ނުކުތާތައް:


1- ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން، ޖަވާހިރުވާދި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، “މަންތިރި” ނޫހުގެ ފުރަތަމަ އަދަދުގައި ހަގީގަތާޚިލާފު ވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް ލިޔުއްވާފައި ވާތީ، މިކުށުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ، 125 ވަނަ މާއްދާގެ ދަށުންނެވެ.


2- ދައުލަތުން އެދައުވާ ކުރައްވާފަދައިން “މަންތިރި” ނޫހުގައި އިލްޔާސް ހުސައިން އިބްރާހީމްގެ މަޒްމޫނުގައި ހަގީގަތާޚިލާފު ވާހަކައެއް ލިޔެފައި ނުއޮންނާނެކަމަށާއި  ދައުލަތުން އެހުށަހެޅުއްވީ ފުލުހުން (ލިޔެފައިވާ) ބަޔާނަކީ، އިލްޔާސް ހުސައިން އިބްރާހީމް ފުލުސް އޮފީހަށް ދީފައިވާ ބަޔާނެއްކަމަށް ޝަރީޢަތުގެ މަޖިލިސްގައި ބުނެފައިވެއެވެ.


3- ދައުލަތުގެ ވަކީލު ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމް “މަންތިރި” ނޫހުގައި ލިޔެފައިވާ މަޒްމޫނުގައި ސާބިތުނުހިފޭ ވާހަކަލިޔެފައިވާ ކަމަށާއި އެގޮތުން އެމްވީ ޕްރޮގްރެސްލައިޓަށް ބަޑިޖެހީ ދިވެހި ސިފައިންގެ ބަޔަކުކަމަށް އިލްޔާސް ހުސައިން އިބްރާހީމް ގާތުގައި އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ އައިއެންއެސް ގޯދާވަރީގެ އިންޖިނޭރަކު ބުނިކަމަށް ލިޔެފައިވާކަމަށާއި އެކަމަކުއެކަން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެއީ މިވެނި ނަމެއްކިޔާ މިވެނި މީހެއް ކަންވެސް އޭނާއަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި މިއީ މިފަދަ އާދައިގެ އެހެން ވާހަކަތަކާ، ވަރަށްޚިލާފު ވާހަކަތަކެއް ކަމަށް ދަންނަވަން ޖެހޭކަމަށާއި މިހާދިސާގައި އެތައްބަޔަކު މަރުވެފައި ވުމުން، ބައެއްގެ މަރާ ބެހޭގޮތުން މިގޮތަށް އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވާއިރުގައި މިވެނި މަގާމެއްގައި ހުރި މީހަކުބުންޏޭ ދިވެހިސިފައިން ބަޑިޖަހައިގެންނޭ މީހުންކޮޅު މަރާލީ، މިހެން ވިދާޅުވާއިރު ކަނޑައެޅިގެން އެއީ އެވެނިމީހެއްކަމާއި އެމީހާގެނަން ތަހުގީގަށާއި ޝަރީޢަތަށް ބަޔާންކޮށް ދެއްވަންޖެހޭނެ ކަމެއްކަމަށާއި އެފަދަ މުހިންމު ވާހަކައެއް ނޫހުގައި ޝާއިޢުކޮށްފައިވަނީ ސާބިތުނުހިފޭ ގޮތެއްގައިކަމަށް ދައުލަތުގެ ވަކީލުފާހަގަކޮށް ވިދާޅުވެފައި ވެއެވެ.


އަދި ރައްޔިތުންގެ މަޖިލީހަށް އެކަންއެނގެން ވާނެކަމަށް އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވާއިރު، 3 ނޮވެމްބަރުގެ ހާދިސާ ހިނގަމުން ދިޔައިރު ދިވެހިސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ދިޔައީ ސާފުކޮށް ދެމުންކަން، ދިވެހިކޮންމެ ރައްޔިތަކު ވެސް އެކަމަށް ހެކިވާނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެނގެންވާނެ ކިތަންމެ ކަންތައްތަކެއް ނޭނގެއޭ އެހެން އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވިކަމުގައި ވިޔަސް އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށާއި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދިޔައީ ހުރިހާ ކަންތައްތަކެއް އަންގަމުންނެވެ.


މަޝްވަރާހޯއްދަވަމުން އާންމު ރައްޔިތުންނަށް އެކަމާބެހޭ ހުރިހާ މައުލޫމާތެއް ދެމުންކަމަށާއި އެނޫހުގައި ރައްޔިތުންނަށް އެނގެންޖެހޭ ވަރަށް ގިނަކަންތައްތައް ނޭނގިހުރިކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ލިޔުއްވާފައިވުމުން، މިވާހަކަ އާންމުންގެ ތެރެއަށް މިގޮތަށް ނޫހެއްގެ ޒަރިއްޔާއިން ނުކުތްނަމަ، އެއީ މަސްލަހަތު ގެއްލިގެން ދާނެކަމެއް ކަމަށާއި ހަގީގަތާޚިލާފަށް ހަދައިގެން ދޮގުވާހަކަ ދެއްކުމަކީ، އިސްލާމްދީނުގައި ވެސް އަދި ރާއްޖޭގެ ގާނޫނުގައި ވެސް މަނާކަމެއް ކަމަށްވާތީ މިދެނުކުތާ ޚާއްސަގޮތެއްގައި ދައުލަތުން ފާހަގަކުރާ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާ، އަދި އެންއެސްއެސްވެރިޔާ އިންޑިޔާސިފައިންގެ ބެލުމުގެދަށުގައި
ރައީސުލްޖުމްހޫރިއްޔާ، އަދި އެންއެސްއެސްވެރިޔާ އިންޑިޔާސިފައިންގެ ބެލުމުގެދަށުގައި

4- އިލްޔާސް ހުސައިން އިބްރާހީމް، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ބުނެފައިވަނީ، އިންޑިޔާގެ މަނަވަރުން އިލްޔާސް ހުސައިން އިބްރާހީމާ ބައްދަލުކުރި އިންޖިނޭރެއް ދެއްކިވާހަކަ އެއްގައި ހޮސްޓެޖުންގަޔަށް ބަޑިޖެހީ، ދިވެހި ސިފައިންގެ ތެރެއިން އައިއެންއެސް ގޯދާވަރީއަށް ގެންދެވުނު ދިވެހި ސިފައިންގެ މީހުންކަމަށް ބުނިކަމަށާއި ނަމަވެސް، އެމަނަވަރުގެ ކެޕްޓަން މާލެފައިބާ ތޮށިގަނޑުމަތީގައި ހުރެގެންދެއްވި ބަޔާނުގައި ގޯދާވަރީގެ ކެޕްޓަން ބުނެފައިވަނީ، އަހަރުމެން ހޮސްޓެޖުންގެ ގަޔަށްބަޑި ޖެހީކަމަށާއި އެއީ ކަންތައް ދިމާވިގޮތުން ކަމަށާއި ބަޑިޖެހީ އިންޑިޔާ ސިފައިންނެކޭ ނުވަތަ ދިވެހިސިފައިންނެކޭ ނުބުނާކަމަށެވެ.


އެހެންކަމުން އިލްޔާސް ހުސައިން އިބްރާހީމާ، ބައްދަލުކުރި އިންޖިނޭރު އެހަދަނީ ދޮގެއްކަން އަންގައިދިނުމުގެ ގޮތުން، އެބަޔާން ނޫހުގައި ލިޔުނީކަމަށެވެ. މިގޮތަށް އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައި ބުނާއިރު، އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނާއި ލިޔުއްވާފައިވާ ނޫސްބަޔާނަށް ޝަރީޢަތުގެ މަޖިލީހުން ވިސްނާބަލާއިރު، އޭނާއެހަދަނީ ދޮގެއްކަމާއި އެވާހަކައަކީ ހެއްވާޖޯކްވާހަކަ އަކަށްވާތީ ލިޔުނީކަމަށް ބުނާބުނުމަކީ، ޝަރީޢަތުގެ މަޖިލީހަށް ގަބޫލުކުރެވޭ ފަދަބުރަދަނެއް ހުރިވާހަކައެއް ކަމުގައި ބެލެވޭކަށް ނެތެވެ.


އެހެނީ އެއީ، 3 ނޮވެމްބަރުގެ ހަމަލާގެ ތެރޭގައި ރައްޔިތުން މަޖިލިސް މެދުވެރިކޮށް މުޅިދިވެހި ރައްޔިތުންނަށް އެނގެންބޭނުންވާ މުހިންމު ކަންތައްތަކެއް ހުރިކަމަށް އިލްޔާސް ހުސައިން އިބްރާހީމް ބުނަމުން އޭގެތެރެއިން އެމްވީ ޕްރޮގްރެސްލައިޓަށް ހޮސްޓެޖުންގަޔަށް ބަޑިޖެހީ އިންޑިޔާ މަނަވަރަށް ގެންދެވުނު ދިވެހިސިފައިން ކަމަށް އެމަނަވަރުގެ އިންޖިނޭރަކު ބުނިކަމަށާއި އެއީވެސް ވީއެއްނުވީއެއް ރައްޔިތުންނަށް އޮޅުންނުފިލާ ވެފައިވާ ކަމެއްކަމަށް ބުނިހިނދު، 3 ނޮވެމްބަރުގެ ހާދިސާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެމަޖިލިސްގައި ބަހުސްކޮށް ގަރާރެއްފާސްކޮށް ފައިވާކަން އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން އެނގެން އޮތުމާއި އަދި ހޮސްޓެޖުންގެ ގަޔަށް ބަޑިޖެހީ ދިވެހި ސިފައިން ކަމަށް އެމަނަވަރުގެ އިންޖިނޭރު އެގޮތަށް ބުނިކަން އިލްޔާސް ހުސައިން އިބްރާހީމަށް،  ޝަރީޢަތަށް ސާބިތުކޮށް ދެވިފައި ނުވާތީއެވެ.


5- އިލްޔާސް ހުސައިން އިބްރާހީމް ހެއްކެއްގެގޮތުގައި ހުށަހެޅި އިބްރާހީމް ޞާބިރު، ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ، ދިވެހިސިފައިންކަމަށް އިންޖިނޭރު ބުނެފައި ނުވާކަމަށެވެ. ބަޑިޖެހީ “އަހަރުމެން” ކަމަށެވެ. އެހެންކަމުން ޝަރީޢަތަށް ސާބިތުވާފަދަ ފުރިހަމަހެކި އިލްޔާސް ހުސައިން އިބްރާހީމަށް ދެއްކިފައެއް ނުވެއެވެ.


(ފާހަގަކޮށްލަން ޖެހެނީ މަނަވަރުގެ ކެޕްޓަން މާލޭގެ ފަސްގަނޑުގައި ހުންނަވައިގެން ވިދާޅުވީ، “އަހަރުމެންނޭ ބަޑިޖެހީ” މިހެންކަމެވެ. ވަކިބައެއްގެ ނަންވިދާޅުވެފައެއް ނުވެއެވެ. އަދި އެމާނާގައި ދިވެހިސިފައިންވެސް "އަހުރެމެންނޭ" ބުނާ އިރު ހިމެނޭކަން ސާފުވެއެވެ. އަދި އާދަމް ޒާހިރުގެ ވާހަކަފުޅުތަކުގައި ހޮސްޓެޖުން ސަލާމަތްކުރި އަހުރެމެންނޭ އެ ވިދާޅުވާ އިރު ދިވެހިންނާއި އިންޑިއާސިފައިން "އަހުރެމެން" އެބަހުގެ މާނައިގެ ތެރޭގައިހިމެނޭނެއެވެ. މިއީ ސަލާމަތްބުއްދީގެ ވިސްނުމެވެ. ވީމާ ގާޒީގެ މިނުކުތާތައް އިންސާފުވެރިކަމަށް ބަލައެއް ނުގަނެވެއެވެ.)


ހުކުމް:


ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، މަންތިރި ނޫހުގެ ފުރަތަމަ އަދަދުގައި އިލްޔާސް ހުސައިން އިބްރާހީމް ލިޔެފައިވާ ބަޔާނުގައި ހަގީގަތާޚިލާފު ވާހަކަތަކެއް ލިޔެފައި ނުވާނެކަމަށް ޝަރީޢަތުގެ މަޖިލީހުގައިބުނެ ދައުލަތުން ކުރައްވާ ދައުވާއަށް އިންކާރު ކުރާއިރު ޕްރޮގްރެސްލައިޓަށް ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ ދިވެހިސިފައިން ކަމަށް، އެމީހުންގެ ހެލިކޮޕްޓަރުތަކާއި ޖެޓްތަކުގެ އިންޖިނޭރަކު ބުނިކަމަށް ލިޔެފައިވާނެ ކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައާއި ތަހްގީގުގައިބުނެ އިއުތިރާފްވާއިރު ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ،


ދިވެހިސިފައިންކަން އިލްޔާސް ހުސައިން އިބްރާހީމަށް ޝަރީޢަތަށް ސާބިތުކޮށް ދެވޭ ފަދަހެކި ދެއްކިފައިނުވާތީ ސާބިތުނުހިފޭ ގޮތަށް ހަދައިގެން ދޮގުވާހަކަ ދެއްކުމުގެ ކުށުން، އިލްޔާސް ހުސައިން އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލް އުގޫބާތުގެ، 125 ވަނަމާއްދާގެ ދަށުން، އިލްޔާސް ހުސައިން އިބްރާހީމް، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ.


މިގަޒިއްޔާ ބަލާއި ނިޔާ ކަނޑައެޅީ ޖަސްޓިސްގެ ޚާއްސަގާޒީ، އަލްއުސްތާޒު އަބްދުލް ޣަފޫރު އަހްމަދެވެ.


މިހުކުމް އިއްވާނިމުމާއެކު، ހަތަރުވަނަ މައްސަލައިގެ ހުކުމް ގާޒީ އިއްވަވަން ފެއްޓެވިއެވެ. ދޭތެރޭގައި އެއްވެސް ހިނދުކޮޅެއް ނުދެއެވެ. މިދެހުކުމް އިއްވީ ޖެހިޖެހިގެންނެވެ. ދެގަޒިއްޔާގެ ދެހުކުމަށް ވާގޮތަށެވެ. ދެވަނައަށް މިއަދުއިއްވެވި ހުކުމަކީ، ޓެރަރިޒަމްކުށެއްގެ މައުލޫތާތު ސިއްރުކުރުމުގެ ގޮތުން އިއްވި، 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ ހުކުމެވެ.


މަންތިރި ކާޓޫނު މިއީއެދުވަސްވަރު ކަންހުރިގޮތް
މަންތިރި ކާޓޫނު މިއީއެދުވަސްވަރު ކަންހުރިގޮތް

ކަޓޫރަބޮން ގޮއްވާލިކަން ނާންގައި ސިއްރުކުރިކަމުގެ ހުކުމް އިއްވުން:


މިމައްސަލައިގެ ގަޒިއްޔާނަންބަރަކީ، 91/6-ސީޖޭ/249 އެވެ.

ދައުވާފޯމް ނަންބަރަކީ، ޅ.91/163 އެވެ.

ދައުވާކުރާ ފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ.

ގަޒިއްޔާގެ ބާވަތަކީ، ޓެރަރިޒަމްގެ ކުށުގެ މައުލޫމާތު ސިއްރުކުރުމެވެ.

ދައުލަތުގެ ފަރާތުން ވަކަލާތުކުރައްވާ ފަރާތަކީ، އެޓަނީޖެނެރަލްގެ އޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ.

މައްސަލަ ހުށަހެޅުނު ތާރީޚަކީ، 5 މެއި 1991 އެވެ.

މައްސަލަ ނުމުނު ތާރީޚަކީ، 9 ސެޕްޓެމްބަރ 1991 އެވެ.

ދައުވާލިބޭ ފަރާތަކީ އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމެވެ.


ދައުވާގެ ޚުލާސާ:


ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރަނީ، ޓެރަރިޒަމްގެ ކުށުގެ މައުލޫމާތު ސިއްރުކުރުމުގެ ކުށުގެ މައްޗަށެވެ.


މިކަންހިނގާފައިވާ ގޮތެއްކަމަށް މިގަޒިއްޔާގައި ވަކާލާތުކުރެއްވުމަށް ހާޒިރުވެ ވަޑައިގެންނެވި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒު މުހަންމަދު ތައުފީގު ވިދާޅުވަނީ، 2 ސެޕްޓެމްބަރ 1990 ވީއާދީއްތަ ދުވަހުގެރޭ ސަލްޓަންޕާކްގެ ތެރޭގައި ޕެޓެރޯލްބޮމެއް ގޮއްވާލުމާއި މާލޭގައިލޯންޗަކާއި ދެކާރުގޮއްވާލުމާއި ބާޒާރުމަތީ ފިހާރައަކާއި ގުދަނެއްގައި އަލިފާންރޯކޮށް މިފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ބަޔަކުހިންގިކަން އެނގިހުރެ ކަމާބެހޭފަރާތަށް އެކަންނާންގާ ސިއްރުކުރީ ކަމަށާއި މީނާގެ މައްޗަށް ދައުވާކުރައްވަނީ، ގާނޫނުނަންބަރު: 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ، 6 ވަނަމާއްދާގެ (ށ) ގެ ދަށުންކަމަށެވެ. އަދި މީނާ ތަހުގީގަށް ދީފައިވާ ބަޔާން ދައުލަތުގެ ސްޓޭޓްއެޓަރނީ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.


ދައުވާލިބޭ ފަރާތުގެ ވާހަކަތައް:


މިދައުވާއާމެދު އިލްޔާސް ހުސައިން އިބްރާހީމްގެ ބަހަކީކޮބައިތޯ ޝަރީއަތުގެ ފަރާތުން ސުވާލުކުރުމުން، ބުނަނީ މިގޮތަށެވެ. އަޅުގަނޑުގެ މައްޗަށް ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން އެކުރެއްވި ދައުވާއާގުޅޭގޮތުން ދަންނަވަމެވެ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑާމެދު ދައުލަތުން ތިޔަކުރައްވާ ދައުވާއާދޭތެރޭ އަޅުގަނޑު ވަރަށްބޮޑަށް އަޖައިބުވަމެވެ. އަދި އިންކާރުކޮށް ހިތުގެއަޑިން ދެރަވެސްވަމެވެ. ހަގީގަތުގައި ސަލްޓަންޕާކްގައި ހިނގިކަންތައްތަކަކީ، ޓެރަރިޒަމްގެ އަމަލެއްކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ.


އެއީ ގައުމުގެ އިސްލާހަށް، ބޮޑުޑިމޮކްރަސީއަށް ގޮވާލާ މިގައުމުގައި ހިންގުނު ހަރަކާތާދެކޮޅަށް ސިފައިންގެ މަދަދާއެކު މާލެ ތެރެއަށް ނެރުނު، “ބިންބިފޯސް” އޭ ކިޔުނުބަޔަކު ސަރުކާރު ހިންގަންތިބި ފަރާތުން ނެރުމުން، އެ ބިންބިފޯހާ ދެކޮޅަށް ހިންގުނު ހަރަކާތެއްގައި އަމިއްލައަށްގޭގައި އުފައްދައިގެން ތައްޔާރުކުރެވުނު ކަޓޫރާބޮމެއް ސަލްޓަންޕާކް ތެރޭގައި ގޮއްވާލި ގޮއްވާލުމެކެވެ. އެއީ ޕެޓްރޯލްބޮމެއް ނޫނެވެ. މީހަކަށް އަދި މީހެއްގެ މުދަލަކަށް ގެންލުންނުވާނެ ގޮތްތަކަށް ބަލައިގެން ގައުމުގެ އިސްލާހަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ ސަމާލުކަމަށް ސަރުކާރުގެ އަނިޔާވެރިކަން ހާމަކުރުމަށް ކުރެވުނު އިހްތިޖާޖީއަމަލެކެވެ. ޓެރަރިޒަމަކީ އޭރު ދިވެހި ގާނޫނުތައް ދަންނަ އެއްޗެއްނޫނެވެ.


ބަޔަކު ސަރުކާރައި ދެކޮޅަށް ނުކުމެ އަޑު އުފުލަމުން ގެންދާ އިސްލާހީ ހަރަކާތެއް ދިވެހިރާއްޖޭގައި އެބައޮތްކަން އެންގުމަށް ކުރެވުނު ކަމެކެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ދައުލަތުން އޮޕަރޭޓުކުރާގޮތަށް ސަރުކާރުން ނެރުނު "ބިންބިފޯސް" އައި ދެކޮޅަށް، ހިންގުނު މަދަނީ ބަސްނޭހުމެކެވެ. ސިޔާސީ ހަރަކާތެކެވެ. ބިންބިފޯހާ ދެކޮޅަށް ހިންގުނު ނުރުހުން ފާޅުކުރުމުގެ އަމަލެކެވެ. އަދި ހެންވޭރުކޮޅަށް އެހެލާފައިއޮތް ހަލާކުވެފައިވާ ސަރުކާރުގެ މުދަލަކަށްވާ ބާވެފައިވާ ލޯންޗެއްގެ ތެރޭގައި ގޮއްވާލެވުނު، އެފަދަ ގޭގައިހާދާފައިވާ ކަޓޫރަބޮމެއް ގޮއްވާލި ގޮއްވާލުމެކެވެ.


މިކަމަކީ، ބަޔަކަށް ނޫނީ ފަތުދެއްގެ މުދަލަކަށް ގެންލުން ދިނުމަށާއި ޓެރަރިޒަމް ހިންގުމަށް ގޮއްވާލެވުނު ޕެޓްރޯލްބޮމެއް ނޫނެވެ. ބޭނުންކުރި ލީތަލްމައުދަނީ ހަތިޔާރެއް ނޫނެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރަމުން ގެންދިޔަ މީހުން ކަމުގައިވާ، ޑޮކްޓަރ ވަހީދާއި މުހައްމަދި ލަތީފު (ގޯގޯ) އާއި ގަލޮޅުކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އާއި އަޅުގަނޑުމެންގެ މައްޗަށް ޓެރަރިޒަމްގެ ހުކުމެއް ކޮންމެހެންވެސް ގެނައުމުގެ ބޭނުމުގައި ސަރުކާރުން ބިންބިފޯސް ލައްވާ، މާލެތެރޭގައި ދެކާރެއްގައި އަލިފާންރޯކޮށް ބާޒާރުމަތީގައި ހުންނަޑިމްސް ފިހާރައާއި އެލިޔާގައި ރޯކޮށްލީ އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުނު ފަހުލަވާނުންގެ ބޮލުގައި ޓެރަރިޒަމްގެ ކުށްއަޅުވާއި ދިގުމުއްދަތަކަށް ޖަލަށްލާއި ބަންދުކޮށްލުމުގެ ދަހިވެތި ބޭނުމުގައެވެ. އެދަނޑިވަޅު ބަލާފައި ތިޔަދައުވާކުރައްވާ ގާނޫނު އުފަންކުރީ ވެސް އެމަގްސަދުގައެވެ. އެއީ ރައްޔިތުންގެ މަޖްލީހުން ގަދަކަމުން އެބޭނުމަށް މަދްސަދެއް ފަހަތުގައި އޮވެގެން ފާސްކުރުވި ގާނޫނެކެވެ!


ކަނޑައެޅިގެން އެއީ ސްޓޭޓުން އޯގަނައިޒްކޮށް ސަރުކާރުންރޭވި ހުޅުޖެހުމެކެވެ. އެހެންނޫންނަމަ، މިދެންނެވި ކަޓޫރަބޮމާއި މާލެތެރޭގައި ހިންގިއަލިފާނުގެ ބޮޑުހުޅުގެ ހާދިސާއާ ގުޅުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދައުލަތުން ދައުވާ މިކުރައްވަނީ ވެސް ވަރަށް ހެއްވާ ގޮތަކަށެވެ. ހެއްކަށް ގަރީނާއަށް ބެލުމެއްނެތި ރޭވުމެއްގެ ދަށުންނެވެ.


އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއްނެތް، މާލެތެރޭގައި ސަރުކާރުން ނެރެގެން ފަސާދަހިންގި، ބިންބިފޯސް އަޑީގައި ތިބެގެން މާލެތެރޭގައި ހިންގި އަލިފާނުން ހުޅުޖެހުމުގެ ބޮޑުހުޅުގެ ކަންތަކާ އަޅުގަނޑުމެން، އިސްލާހީ ހަރަކާތުގައި ބޭނުންކުރި ކަޓޫރަބޮންތަކާ ގުޅުވައިގެން އެއްގޮތަކަށް ވެސް ދައުވާ އުފުލިގެން ނުވާނެއެވެ. އެއީން އެއްވެސް އަމަލަކީ އަޅުގަނދަށް އެގިހުރެގެން އެމީހުންކުރިކަމެއްނޫނެވެ. ބޮޑުހުޅުޖެހުމަކީ ސިޔާސީ މަގްސަދުގައި ހިންގާބޮޑުޖަރީމާއެކެވެ.


މިއީ މުޅިން ދެހަރަކާތެކެވެ. ފަސާދަކުރުމާއި އިސްލާހު ކުރުންފަދަ ދެކަމެވެ. މީރުފެނާއި ފަނާކުރުވަނި އަލިފާންފަދަ ދެބާވަތެއްގެ ދޭއްޗެކެވެ. އަޅުގަނޑު މެންގެ މަސައްކަތަށް ބޭރުދުނިޔެއިންނާއި ރައްޔިތުންގެ ތާއީދު އޮތެވެ. ބައިނަލްއަގްވާމީ ރިޕޯޓުތަކާއި ނޫސްބަޔާންތަކަށް ބައްލަވާށެވެ. ރައްޔިތުންގެ އިސްލާހަށް މަސައްކަތްކޮށް އުޅުނު ރައްޔިތުންގެ ބަޔަކާއި ސަރުކާރުން އެހަރަކާތާ ދެކޮޅަށް ނެރުނު ސްޓޭޓު ފަންޑަޑް ފަސާދަކުރުމުގެ ހަރަކާތެކެވެ. މުޅިން މިއީ ދެކަމެކެވެ. ދޭއްޗެކެވެ. އެއްނުކުރައްވާށެވެ!


އަދި މިއީ އެއްގޮތަކަށް ވެސް ސައްހަ ދައުވާއެއް ކަމަށް ގަބޫލެއް ނުކުރަމެވެ. ތިޔަ ދައުވާއަށް އަޅުގަނޑު މުތްލަޤަށް އިންކާރުކުރަމެވެ. މިކަމާ އެއްވެސް ގުޅުމެއް ނެތް ބަޔަކާ ގުޅުވައިގެން މާލެތެރޭގައި ހިންގި އަލިފާނުގެ ބޮޑުހުޅުޖެހުމުގެ މިފަދަ ހާދިސާތައް އެނގިހުރެ ނާންގައިގެން ކުރެވޭ ދައުވާއެއްގެ ގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން، މިޞީޣާއިން އަޅުގަނޑު މެންގެމައްޗަށް ދައުވާއުފުލިގެން ނުވާނެއެވެ. އެއީ ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ!


މިއީ މުޅިން ގޯސް ސީޣާއެކެވެ. ދަންނަވަން ތޯއެވެ. މިއީ މުޅިން ދެކަމެކެވެ. މިއީ ދިވެހިގައުމުގެ އިސްލާހަށް މަސައްކަތް ކުރުމުގައި ފާޅުކޮށް ހަރަކާތްތެރިވެ އުޅުނު މުޞްލިޙުންނާ ދެކޮޅަށް ފަސާދަ އުފެއްދުމަށް ރަށުތެރެއަށް ސަރުކާރުން ނެރުނު ފާސިދުބާރެއް ކަމުގައިވާ ބިންބިފޯހުގެ ފަރާތުން ހިންގި ފާސިދު ހަރަކާތް ތަކެއްގެ ވާހަކައެވެ. މިދެކަންތައް އެއްކޮށްގެން ދައުވާ އުފުލޭނެ ގޮތެއް، އަދި މިފަދަ ދައުވާއެއް ބެލޭނެގޮތެއް ވެސް އޮވެގެން ނުވާނެއެވެ. ތިޔަ ސިސްޓަމް ފީކަޅާ އެވެ.


ސަރުކާރުން މިދެކަންތައް އެއްކޮށްލައިގެން ޓެރަރިޒަމަށް ބަދަލުކޮށްލީ ސަރުކާރުން ގަސްދުގައި ރޭވި ބޮޑު ރޭވުމަކުންނެވެ. އޮޅުވާލުމެއްގެ ދަށުންނެވެ. އަދި ވަގުމަޅިއެއް ޖަހައިގެން ވަކިބަޔަކު ހިފާހައްޔަރު ކުރުމަށްފަހު، އެބަޔަކަށް ގަސްދުގައި އަނިޔާދޭށެވެ. އެމީހުންނަކީ ޓެރަރިސްޓުންނަށް ހަދާއި ތައްގަޑުޖަހާއި ނިންމުމަށް ރޭގަނޑާއެކު ރައްޔިތުންގެ މަޖިލިސް، ރައީސް އޮފީހުން ފޮތްފޮނުވައިގެން ޖަލްސާތަކަށް ކިޔައިގެން، ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނެއްލިޔެ އުފައްދައިގެން އެގާނޫނު ފާސްކޮށް އެގާނޫނުގައި މީގެކުރިން މަފަދަ އަމަލުތައް ހިންގާފައިވާ މީހުންވެސް ހިމެނޭގޮތަށް ވަކިޚާއްސަ މާއްދާއެއް ބާއްވައި ގާނޫނީއިލްމާ ދިމާ އިދިކޮޅަށް ފަރުމާކޮށް ހެދުމުގެ ބޭނުމަކީ، ރާއްޖޭގައި އުފެދިފައިއޮތް އިސްލާހީ ހަރަކާތުގެ މުއައްސިސުން ކަމުގައިވާ އަޅުގަނޑުމެން ފަދަމީހުން، ރައްޔިތުން ކުރިމަތީގައި ޓެރަރިސްޓުންނަށް ހަދާލުމެވެ. މިއީ މުސްތަބިއްދު އަމަލެކެވެ. ޑިކްޓޭޓަރޝިޕެވެ!


ދިވެހިރާއްޖޭގެ ޓަރަރިޒަމްގާނޫގެ ބިއްދަށުފަރާތް:


އިއްޒަތްރެރި ގާޒީއަށް އެނގިނުލައްވަނީ ތޯއެވެ؟ ގާނޫނީބިނާއެއް ނެތް ގަޒިއްޔާއެކެވެ. އެއްވެސް އިލާހީޝަރީޢަތެއްގައި ނުވަތަ ގާނޫނެއްގައި އެޝަރީޢަތެއް ނުވަތަ އެގާނޫނެއް ބާއްވާލެއްވުމުގެ ކުރިންހިންގާފައިވާ އެއްވެސް ކުށަކަށް ފަހުންބާއްވާލައްވާ ޝަރީޢަތަކުން ނުވަތަ ގާނޫނަކުން ހުކުމެއްކޮށް ނުވަތަ ނިޔާއެއް ކަނޑައެޅިފައެއް މިހާތަނަކަށް މުޅިދުނިޔޭގައި ވެސް ނެތެވެ. މިއީ މިހާތަނަށް ދުނިޔޭގައި އަލަށް ކުރާކަމެކެވެ. ފަނޑިޔާރުން މިކަންކަން ފާހަގަ ކުރަން ޖެހޭނެއެވެ. އަދި މިއީ ގާނޫނީ އިލްމުގައި މުޅިންމަނާ ކަމެކެވެ. ޝާޒްކަމެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. ޝަރީއަތާއި ގާނޫނީރޫޙާޚިލާފު އަމަލެކެވެ.


އިއްޒަތްތެރި ގަޒީއެވެ! ރަނގަޅަށް ބައްލަވާށެވެ! ދައުލަތުން އެވިދާޅުވާ ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު އުފަންކުރިގޮތް މިދެންނެވީއެވެ. ފުރަތަމަ ހޯދީ ޓެރަރިސްޓުންނަށް ހަދާނެ ބައެކެވެ. ދެން ވުޖޫދަށް ގެނައީ އެ ގާނޫނެވެ. ދެން ގާޒީލައްވައި ތިޔަގެންނަނީ ބޮޑެތިހުކުމެވެ. ނިޔާކަނޑައެޅުންތަކެވެ.


ފަހެ، ދަންނައެވެ! އިއްޒަތްތެރިގާޒީއެވެ! އެއީ ސަރުކާރުން، ޓެރަރައިޒްކޮށްފައިވާ ޓެރަރިޒަމާބެހޭ ގާނޫނެކެވެ. ބަޔަކު މިދުނިޔެއިން ނައްތާލުމަށް ހިންގާފައިވާ ބޮޑު ރޭވުންގަނޑެކެވެ. ވަކިބަޔަކަށް ވަކިކަހަލަ ހުކުމެއް އިއްވުމުގެ ދަހިވެތިކަމުގައި ގާނޫނީއިލްމާއި އިލާހީޝަރީޢަތާ ޚިލާފަށް އުފައްދާފައިވާ އުޞޫލީގާނޫނީ ބިނާއެއް ނެތް ބަލިކަށި ގާނޫނެކެވެ. ސިޔާސީ ކުލަޖެހިފައިވާ ނަހަމަ ގާނޫނެކެވެ.


އިއްޒަތްތެރި ގާޒީއެވެ! މިފަދަ ބަލިކަށި ގާނޫނަކަށް ޢަމަލުކުރެވެން ނެތްކަމަށް، ހުކުމް ކުރެއްވުމުގެ ފުރިހަމަ ހައްގު މިއަދު އިއްޒަތްތެރި ގާޒީއަށް ފުރިހަމަ އިޚްތިޔާރާ އެކު ލިބިގެންވާކަން އަޅުގަނޑު ހާމަކަންބޮޑުކޮށް ދަންނަވާނަމެވެ! ނިޔާކަނޑައެޅުމުގައި މިހުރީ ބައްލަވާ ލައްވަން ޖެހޭނެ ވަރަށް މުހިންމު ނުކުތާތަކެވެ!


ފަހެ، މިނުކުތާތަކަށް ވިސްނަވާ ވަޑައިގެންނެވުމަށް އިޚްލާޞްތެރި ކަމާއެކު އާދޭހައި އެކު އެދެމެވެ! އަޅުގަނޑުމެންނީ ސައްތައިން ސައްތަ އިސްލާމުންނަށް ވާތީއެވެ! ދައުލަތުގެ ބަންޑާރަނައިބަކަށް ރައީސް މައުމޫނުގެ ކޮލެޖްދައުރުގެ ރަހްމަތްތެރިއަކު ކަމުގައިވާ އަލްއުސްތާޒު ޒާހިރު ހުސައިން ކުއްލިއަކަށް ބަދަލެއްގެ ގޮތުގައި ގެނެސްފައި އެހުންނެވީ ޚާއްސަ ކަންތައްތަކެއް ވަކިގޮތަކަށް ހަމަޖައްސަވަން ޖެހިގެން އެބޭނުންފުޅުގައެވެ. ވީމާ މިފަދަ އަމިއްލަ އެދުމުގެ ސިޔާސީ ބޭނުމުގައި ކުރެވޭކަމެއްކަމުގައި ދަންނަވަމެވެ. ވިސްނަވާށެވެ! ދަންނާށެވެ! މިހުރީސާފު ދަލީލުތަކާއި އިއްލަތްތަކެވެ!


އިއްޒަތްތެރި ގާޒީއެވެ! ޢަމަލުކުރެވޭނެ ހަގީގީ ޓެރަރިޒަމް ގާނޫނެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ގަބޫލެއްވެސް ނުކުރަމެވެ. މިއީ ގާނޫގެ ކުރިން ކުރެވުނު ކަމެކެވެ. އަމަލެކެވެ. ތިޔަ ގާނޫނުން ހުކުމް ކުރައްވާނީ ކިހިނެތްތޯއެވެ؟ ހަމަގައިމުވެސް އަޅުގަނޑުމެން ބަންދު ކުރިއިރު މިފަދަގާނޫނެއް ވުޖޫދަކު ނެތެވެ.


އަޅުގަނޑުމެންނާ ދައުލަތުން ދައުވާކުރާ ކަޓޫރަބޮން ގޮއްވާލި އިރަކު ޓެރަރިޒަމާބެހޭ ގާނޫނެއް ހަމަޔަގީނުންވެސް މި ވުޖޫދަކު ނެތެވެ. ހަމަ އެފަދައިން އަޅުގަނޑުގެ މައްޗަށް ދައުވާއުފުލާ ފަރާތަށް ވެސް ސަލްޓަންޕާކުގައި އެ އެއްޗެއް ގޮއްވާލިއިރު އެއީ ޓެރަރިސްޓް އަމަލެއްކަން ކަށަވަރެއް ނުކުރެވޭނެއެވެ. ނުވެސް އެނގޭނެއެވެ. އެއީ އެފަދަ ގާނޫނެއް ވުޖޫދުގައި އޭރު ނެތީމައެވެ!


ޓެރަރިޒަމެއް އޭރަކު ދިވެހިންނެއް ނުދަންނާނެއެވެ. އެފަދަގާނޫނެއް ވުޖޫދަކު ނޯންނާނެއެވެ. ތިޔައީ ބަޔަކަށް އނިޔާދީ ބިރުދައްކާއި ހޭއަރުވާލުމަށް ނިޔަތްގަނެގެން އެނިޔަތުގައި އުފައްދައިގެން އުޅޭ، ޓެރަރައިޒް ކުރެވިފައި ތިބި ބަޔަކަށް ނިޔާކަނޑައަޅާއި ހުކުމްކުރުމުގެ މަގްސަދާއި ބޭނުމުގައި ވުޖޫކުރި އަސްލެއްނެތް ގާނޫނެކެވެ. ގާނޫނީބިނާއެއްވެސް ނެތް ބާޠިލުއެއްޗެކެވެ. ރަށުމެދަށް އުފަންކޮށްފައިވާ މުސްތަބިއްދެއްގެ ހަރާންދަރިއެކެވެ. މިކަމަކީ ޓެރަރިސްޓު އަމަލެކޭ ދައުލަތުން ދައުވާކުރައްވާ ބޭފުޅާ އެވިދާޅުވަނީ، ގާނޫނީ ބިނާއެއްނެތި އުޞޫލީއަޞްލެއްނެތް ގާނޫނަކަށް ހަވާލާ ދެއްވަމުންނެވެ. ކަންހިނގި އިރު ވުޖޫދުގައި ނެތް ގާނޫނަކުން ދައުވާއެއް ނުއުފުލޭނެއެވެ!


ދައުވާ އެފުއްލަވަނީ، ގާނޫނުއައުމުގެ ކުރިން ހިނގާފައިވާ ކަމަކަށެވެ. ޝައްކާއި ވަހުމުގެ ތެރެއިން އޮޅުވާލައިގެންނެވެ. އެއްވެސް އިލާހީ ޝަރީޢަތެއްގައި މިގޮތަށް ދައުވާ އުފުލިފައެއް ނެތެވެ. އެހެނެއްނޫނެވެ! މުސްތަބިއްދު ޚުދުމުޚްތާރު ވެރިން އަންގަވާގޮތަށް ހުކުމްކުރާ ގާޒިން މިފަދަ ހުކުމްތައް ދުނިޔޭގައި ކޮށްފައި އެބަހުއްޓެވެ. މާލޭގައި މީގެކުރިން ފަޓާސްފަދަ އެއްޗެހި ގޮއްވާފައި ވެސް އެބަހުއްޓެވެ. ކަޓޫރަބޮމަކީ ބޮޑެތިފަޓާހުގެ ވައްތަރެކެވެ. އަދި ކުނިގޮނޑުގައި ސެންޓުފުޅިފަދަ ތަކެތިވެސް އަންދައިގެން ގޮއްވާފައި އެބަހުއްޓެވެ. އެއީ މާބޮޑުކަމަކަށް ނުވެއެވެ. އެކަން އެކުރީ ޓެރަރިސްޓުންނަކަށް ނުހަދައެވެ.


މިދިޔަ އަހަރުގެ އޮގަސްޓް 18 އިންފެށިގެން އަޅުގަނޑު މިއިންނަނީ ދޫނިދޫގައި ކުޑަގޮޅީގައި ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައެވެ. އެއީ މާލޭގައި ފާޅުވެގެން އުޅުނު މަޝްހޫރުކެސެޓް ރޯލެއްގެ މައްސަލައިގައެވެ. އިއްޒަތްތެރި ގާޒީއަށް އެނގިވަޑައި ގަންނަވާނެއެވެ. އެހުކުމް އިއްވެވީވެސް ތިޔަ އިއްޒަތްތެރި ގާޒީއެވެ. ސަލްޓަންޕާކްގައި ކަޓޫރަބޮމެއް ގޮވިއިރު އަޅުގަނޑު ހުރީ ދޫނިދޫޖަލުގެ ކުޑަގޮޅީގައެވެ. މިހާރުވެސް މިހުންނަނީ އެހުރިގޮތަށް ދޫނިދޫ ޖަލުގެ ކުޑަގޮޅީގައެވެ. ހަދާންވާ ގޮތުގައި އަޅުގަނޑު މާލެއަށް ގެންދިޔައީ، 2 އޮކްޓޯބަރުގައެވެ.


ދެން އަނެއްކާވެސް ނޮވެންބަރު މަހުގެ ކުރީކޮޅުގައި މަންތިރި މައްސަލާގައި ދޫނިދޫއަށް ގެނެސްބަންދު ކުރީއެވެ. އެދުވަސްކޮޅު އަޅުގަނޑުގެ އޮފީހަށް، އިސްލާމީމަރުކަޒަށް ނުކުތުމުން އެތާތެރޭގައި ގ.އުތުރުގޭ މުހަންމަދުޚަލީލު (މައްކޮ) އާދެމެދު ދެކެވުނު ވާހަކައެއްގައި ސަލްޓަންޕާކްގައި ގޮއްވާލި ބޮމެއްގެވާހަކަ، މައްކޮއަރިހުގައި އަޅުގަނޑު ދެއްކިހަދާނެއް އަދި މައްކޮ އަޅުގަނޑު ގާތުގައި އެއްގޮތަކަށް ވެސް ދެއްކެވި ހަނދާނެއް ނެތެވެ. އެއީ ނުދެބެވޭ ވާހަކައެކެވެ. ޔަގީނެވެ. ފުލުހުން އެމީހުންގެ ބޭނުމަސް އަމިއްލައަށް ހަދާ ބަޔާންތަކުގައި ލިޔެ ސޮއިކުރުވަނީ މަޖްބޫރުކޮށެވެ. އެއީ މުޅިން ތެދެއްނޫނެވެ.


އަޅުގަނޑުގެ އެއްވެސް އެބަޔާނަކީ އެއްގޮތަކަށް ވެސް ކޯޓަށްދިން ބަޔާނެއް ނޫނެވެ. ޝަރީޢަތުގައި ބޭނުންކުރުމަށް އަޅުގަނޑުދިން ބަޔާނެއް ނޫނެވެ. އެއީ ސިފައިން އަމިއްލައަށް އެމީހުންގެ އަތުން ލިޔުނީމާ ސޮއިކުރާ ސިފައިންގެ މައުލޫމާތަށް ދިން ބަޔާނެކެވެ. އެއީ ޝަރީޢަތަށް ސައްހައެއްޗެއް ކަމަށް ބައްލަވައިގެން ނުވާނެއެވެ. އަޅުގަނޑުގެ އިއުތިރާފެއް އެކަމުގައި ގާޒީގެ ކުރިމައްޗަކު ނޯންނާނެއެވެ. ނެތެވެ.


އަޅުގަނޑު ދުވަހަކުވެސް މައްކޮ އަރިހުގައި ސަލްޓަންޕާކްގައި ބޮމެއްގޮއްވި ވާހަކައެއް ނުދައްކަމެވެ. ނުބުނަމެވެ. އެއީ ސިފައިން ނުވަތަ ފުލުހުން ކަމުގައިވާ، މޯރާތައުފީގާއި ވ.ޅަހުއްތުމެން އުފެއްދިވާހަކަ އެކެވެ. އެމީހުން އިޖާދުކުރި ވާހަކައެކެވެ. އެއްގޮތަކަށް ވެސް މިއީ ބިރުވެރި ޓެރަރިސްޓް އަމަލެއްކަން އަޅުގަނޑު ނުދެނަހުރީމެވެ. މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބުނުގެއްލުމެއް މިކަމުގައި ފެންނާކަށް ނެތެވެ. ކޮއިމަލާ ލޯންޗަނީ އަޅުގަނޑުގެ ވެސް އެއްޗެކެވެ. ރައްޔިތުންގެ މުދަލެވެ.


އިއްޒަތްތެރި ގާޒީއެވެ! ދަންނާށެވެ! މިއީ އިސްލާހީ ހަރަކާތުގައި އެހެންގައުމުތަކުގައި ވެސް ބޭނުންކުރާޒާތުގެ އަމިއްލައަށް އުފެއްދި ގޮވާޒާތުގެ އެއްޗެކެވެ. އަދިއެއީ ކާކުގޮއްވާލި އެއްޗެއްކަން ހަގީގަތުގައި ވެސް އަޅުގަނޑު އޭރަކު ނުދެނެހުރީމެވެ. ތެދުބަހުން ދަންނަވަނީ ނަމަ، އަޅުގަނޑަށް މިއެނގުނީ މައަދު މިކޯޓުގައެވެ. ދައުލަތުގެ ފަރާތުން ދައުވާކުރައްވާ ބޭފުޅާ ވިދާޅުވީމައެވެ. އަދި ދަންނަވަމެވެ! އަޅުގަނޑަށް ދައުވާކުރެއްވި އިތުރުދެނުކުތާ އާދޭތެރޭގައި ދަންނަވަން އޮތީ އަލިފާނުގެ އެއްވެސް ކަމެއް އަޅުގަނޑަށް ނޭނގެއެވެ.


އެއީ ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިއްބެވި އެންދެރިކޭންޕުން މާލެތެރެއަށް ނެރެގެން އުޅުނު ބިންބިފޯސް ގުރޫޕުން ހިންގި ފަސާދައިގެ ބޮޑުކަންތައް ގަނޑެކެވެ. މާލެ ތެރެ ގަޑުބަޑުކުރުމެވެ. މާސިންގާ ބޮޑު ސިޔާސީ ފަސާދައެކެވެ. ﷲގެ އިރާދަފުޅުން އެކަންތައް އަޅުގަނޑު މެންގެ ބޮލުގައި ނޭޅުވުނީ އެކަންކުރުވަން ގެންގުޅު ކުދިން އެކަންކުރަން ތިއްބާ ތެތްއަތައި އަތުލައި ގަނެވުނީމައެވެ. އަލިފާނުގެ ބޮޑުހުޅުގެ ކަންތަކަކީ، ދުނިޔޭގައި ސިޔާސީ މަގްސަދު ހާސިލުކުރަން ހިންގާ ޖިނާއީ ޖަރީމާއެކެވެ. އަޅުގަނޑުމެން މާލެތެރޭގައި ހިންގި ކަމަކަށް ސިފައިން ބަޔާންތައް ހަދައިގެން އަޅުގަނޑު މެންގެ ނަމުގައި ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީއެމް އިން އެވާހަކަތައް ކިޔާހެދިއެވެ.


އެހެނަސް ޝަރީޢަތާ ހަމައަށް އެކަންގެނެވޭ ގޮތްނުވީ މިދެންނެވިހެން އަލިފާންޖަހަނިކޮށް އެކަންތައް ކުރިމީހުން އަތުލައިގަނެ ހިފުނީމައެވެ. އެހެން ނޫންނަމަ، އިއްޒަތްތެރި ގާޒީއަށް މިއަދު އެހުކުމްތައް ވެސް އިއްވަންޖެހުނީހީ އަޅުގަނޑުމެންގެ މައްޗަށެވެ. ސިޔާސީމީހުންގެ މައްޗަށެވެ.


އަދި ދަންނަވަމެވެ! ބައެއް ބަޔާނުގައި ކޮނޑޭތުއްތު މަނިކުގެ ވާހަކައެއް ސިފައިން ލިޔެފައި އޮންނާނެއެވެ. ފުއްޕާހަމަކަށް ގޭސްއަޅައިގެން ތުއްތުމަނިކު ގެންގުޅޭ ކާރަށް ގޮތެއްހަދާލަން ރޭވިވާހަކަތަކެއް އަޅުގަނޑު ގާތުގައި ބަޔަކު ބުނިކަމަށެވެ. އެހެނަސް އެއީ ކަނޑައެޅިގެން މުޅިންދޮގެކެވެ. އޭނާގެކާރަށް ގޭސްފުއްޕާހަމަކުން ހަމަލާއެއް ދޭންއުޅުނުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.


އެއީ ސިފައިން އަމިއްލައަށް ހަދާލައިގެން ލިޔުނު ބޭހޫދާ އަސްލެއްނެތް ވާހަކައެކެވެ. އެހެނަސް ބިންބޮފޯހަކީ ޒާތެއްގެ ނުފޫޒަކާއިބާރެއް ސަރުކާރާއި ސިފައިންގެ ބައެއްބޮޑުންގެ ފަރާތުން ސީދާކޮށް ލިބިގެން މުސާރައިގެ ގޮތުގައި ރައްޔިތުންގެ ފައިސާ ލިބިގެން މާލެތެރެ ފަސާދަކޮށް، ނުލަފާއަރުވަން އުޅުނު ބާޣީބާރެކެވެ. ސަރުކާރުން މަދަދާއި އެހީތެރިކަން ލިބުނީމާ އުޅުނު ފޯހެކެވެ.


އަޅުގަނޑު އެފުޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތުގައި ބަންދުވި ސަޓޯ އާއި އިލްޔާސް އިބްރާހީމްގެ، އެތަހުގީގާބެހޭ ވާހަކަދައްކާފައިވާ ކެސެޓްރޯލް ފަޅާ އަރުވާލުމުން، ބިންބިފޯހުން އެކަމާ ރުޅިވެރިކަން ފާޅުކޮށް ޖަވާހިރުވާދީއަށް އޮއްގަލުން ހަމަލާދީ، އަދި އެއްދުވަހަކު ކޮނޑޭ ތުއްތުމަނިކު އޭނާގެންގުޅޭ ޓްރެކްޓަރަކަށް ގާއަރުވައިގެން ޖަވާހިރުވާދީ ދޮށަށް އައިސް ކޮއްކޮމެން ރުޅިއަރުވަން ގާއުކާ ހަދާފައި ވެއެވެ. ޖަވާހިރުވާދީ އަށް ކުނިބިސް އުކާހަދާފައި ވެއެވެ. ފަންޑިތަވަޅުލާފައިވެއެވެ. ބިންބޮފޯސް ވުޖޫދު ކުރީ ކެސެޓުރޯލް ހަސަދައިގައެވެ.


އަޅުގަނޑު ގެއަށްގެނައި ދުވަސްކޮޅު ބިންބިފޯހުގެ އުނދަގޫ ތަކުގެ ވާހަކަ ކޮއްކޮމެން ބުނެދިނުމުން އެކަމާއަޅާ ނުލުމަށާއި އެމީހުން އެއުޅެނީ ކޮއްކޮމެން ލައްވާ ކޮންމެވެސް ގާނޫނީގޮތުން ބެއްދޭނެ ގޯސްކަމެއް ކުރުވައި އަޅުގނޑުމެން އެންމެންނަށް ވަރުގަދަ ބޮނޑިއެއްދޭން ރާވައިގެންނޭ އަޅުގަނޑު ބުނީމެވެ. އެމީހުންގެ އެއްވެސް މީހަކަށް އަދި އެމީހުންގެ އެއްވެސް މުދަލަކަށް އަދި އެމީހުންގެ އެއްވެސް ތަނަކަށް ގެއްލުމެއްދީގެން ނުވާނެކަމަށް ބުނީމެމެވެ. ދެން މިކަމުގައި އިތުރަށް ދައްކާނެ ވާހަކައެއްނެތެވެ. ނިމުނީއެވެ.


ދައުލަތުގެ ވަކީލުގެ ވާހަކަތައް:


އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި އެދެއްކި ވާހަކަތަކުގެ ތެރެއިން، ބައެއްވާހަކަތަކާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަންޖެހޭ ވާހަކަ އެބަހުރިއެވެ. ބޮމެއް ތައްޔާރުކުރުން އެއީ ޓެރަރިޒަމް އަމަލެކެވެ. ރާއްޖޭގެ ގާނޫނު ބުނާގޮތުން އެހެން ދަންނަވަން ޖެހެނީ އެއީ އެކިވައްތަރުގެ ބަޑި ނޫނިއްޔާ ފިސްތޯލަ ނޫނިއްޔާ އެފަދަތަކެތީގެ ވަޒަން ނުވަތަ އެކިވަށްތަރުގެ ބޮން، ނުވަތަ އެބާވަތުގެ އެހެންވެސް އެއްޗެތި ސަރުކާރުގެ ހުއްދައެއް ނެތި ރާއްޖެއަށް އެތެރެކުރުން ވެސް އަދި ނުވަތަ ރާއްޖޭގައި އެފަދަތަކެތި އުފެއްދުން ވެސް އެއީ ޓެރަރިޒަމް ކުށުގެ އަމަލެކެވެ.


ދެން އިލްޔާސް ހުސައިން އިބްރާހީމް އެވިދާޅުވަނީ، އިލްޔާސް ތަހުގީގަށްދެއްވި ބަޔާނުގައި ދެއްކިބައެއް ވާހަކަ ހުރެފައި އަނެއްބައެއް ވާހަކަ ނެތްވާހަކަ އެކަމާއަޅުގަނޑު ދަންނަވާނީ، އިލްޔާސް ހުސައިން އިބްރާހީމަށް އެނގިވަޑައި ގަންނަވަން ވާނެ، މައްސަލައެއްގައި އެމީހެއްގެ ބަޔާން ނެގެމުންދާއިރު އެބަޔާނަކީ، ޝަރީޢަތުގެ މަޖިލީހަށް ދާނެ ބަޔާނެއްކަމަށް ގަބޫލުކުރެއްވެން ވާނެއެވެ. ފަހަރެއްގައި ވެސް ތިމަންނާ ހީފުޅެއް ނުކުރައްވަމޭ ޝަރީޢަތަށް ހުށަނޭޅޭނެ ކަމަކަށެއް. ތިމަންނާ ހީފުޅުކުރެއްވީ ފުލުހުންގެ މައުލޫމާތަށްނަގާ އެއްޗެއްކަމަށެވެ. އެހެންހީފުޅު ކުރައްވަންޏާ އެއީ ވަރަށްބޮޑުކުށްހީއެކެވެ.


އަޅުގަނޑު ދަންނަވާނީ، އިލްޔާސް ހުސައިން އިބްރާހީމް ކަހަލަ ތައުލީމު ލިބިފައިވާ ބޭފުޅަކު އެގޮތަށް ޚިޔާލުކުރެއްވިކަމުން އަޅުގަނޑު ހިތާމަކުރާވާހަކަ ދަންނަވަމެވެ. ދެން، ޓެރަރިޒަމްގެ އަމަލެއްކަމަށް އިލްޔާސް ހުސައިން އިބްރާހީމަށް އެނގިވަޑައި ގެންފައިނެތޭ އެވިދާޅުވާ ވިދާޅުވުމަށް އަޅުގަނޑު ދަންނަވާނީ، އެފަދައެއްޗެއް ތައްޔާރުކުރުން އެއީ ޓެރަރިޒަމް އަމަލެއްކަމަށެވެ.


ކާރެއްގޮއްވާލަން ކަމަށް، އަހްމަދުރަޝީދު، ދެންނެވިކަމަށް މިބަޔާނުގަ ވެސް އެބައާދެއެވެ. އެހެންވީމާ އެކަންގައިމު އިލްޔާސް ހުސައިން އިބްރާހީމް ގަބޫލުކުރެއްވީކަން. ޓެރަރިޒަމްގާނޫގެ، 2 ވަނަމާއްދާ ބުނާގޮތުން، އަޅުގަނޑު ދަންނަވަންއޮތީ އެއަމަލަކީ ޓެރަރިޒަމްގެ އަމަލެކެވެ. ދެން އިތުރަށް ދަންނަވާނެ ވާހަކައެއް ނެތެވެ. އިލްޔާސް ހުސައިން އިބްރާހީމް ފުލުހުންނަށް ދެއްވާފައިވާ ބަޔާން، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަމެވެ. ~ނުނިމޭ~




 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page