top of page

3 ނޮވެމްބަރުގެ ހަމަލާ މިހާރު މިއޮތްގޮތަށް ތާރީޚަށް ވަދެ ނިމޭނީތޯ އެވެ؟

  • Writer: ilyashusein
    ilyashusein
  • Sep 26, 2009
  • 13 min read

Updated: Nov 11

=އިލްޔާސް ހުސައިން އިބްރާހިމް=


ނޯޓް: 1990 ވަނައަހަރު، ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރި ކޮށްގެން ނެރުނު " މަންތިރި" މަޖައްލާގައި މި މަޒުމޫނު، ލިޔެގެން އަޅުގަނޑަށް ވަނީ، 6 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމެއް އިއްވާފައެވެ. އަދި ތަހުގީގުގައި ވަރަށް ގިނަ ދުވަހު ކުޑަގޮޅީގެ ވަހުޝީ އަނިޔާ ތައް ދީފައި ވެއެވެ. އެއް ހުޅުބިޑި އަޅުވައި އޮރިޔާން ހާލަތަށް ގެންދިއައެވެ. ފެންވަރުވަނީ، ހަތްދުވަހުން އެއްފަހަރުއެވެ. މިގޮތުން، ކޮންމެ ހުކުރު ދުވަހަކު ނޫނީ ނަޖިހުން ތާހިރު ވުމަށް ފުރުޞަތެއް ނުދެއެވެ. ފެންފޮދެއް ގަޔަށް އަޅާލާކަށް ނުދެއެވެ.


އެއްދުވަހަކު ތަހުގީގަށް މިހާލަތުގައި ނެރުމުން، ވުޟޫކުރުމަށް ބިޑިނައްޓާލަ ދިނުމަށް އެދުމުން، ވާވުޅަހުއްތާއި އަބްދުއް ޝުކޫރު އަބްދުﷲ ވިދާޅުވީ، އެޅުވިއްޖެ ބިޑިއެއް އިއުތިރާފު ވަންދެން ނުނެއް ޓޭނެއެވެ. ނަމާދު ކުރެވުނު ގޮތަކަށް ކުރާށެވެ. އެންމެ އަނިޔާ ބޮޑު ބިޑިއަކީ، އެއް ހުޅު ބިޑިއެވެ.


މި ބިޑި އެޅުވުމުން ދެއަތްތިލައިން ފެށިގެން ދެއަތުގެ އުޅަނބޮއްޓާ ހަމައަށް ހުންނަނީ، ޖެހި ފިތި ބާރުވެފައެވެ. ބަނދެވިފައެވެ. އޮޅު އަޅާލާފައި ހުންނަހެން ފިތި ބާރުވެފައެވެ. އެބިޑި އަޅުވަނީ ގަދަބާރުން ހަންގަނޑު ފިއްތައި ހަދައި ގެންނެވެ. އަތަށް ދޫބިޑިއެއް ނާޅުވާނެއެވެ. އަޅުވާނީ އަތުގައި އެންމެ ވާންކޮށް އެޅުވޭނެ ބިޑިއެއް ހޯދައިގެން ބާރުކޮށް އެޅުވޭނެ ބިޑިއެކެވެ. ކާން ޖެހެނީ ބުޅާފަދަ ޖަނަވާރު ކާގޮތަށެވެ. ގުދުވެ އަނގަޖަހައި ގެންނެވެ.


ފަހެ، އަބްދުﷲ ލުތުފީއާއި ބޮޑު ސިއްކައަށް، 19 ދިވެހިން މަރާލި، ދެ ޣައްދާރުންގެ ލަގަބުދެވޭ އިރު، އެބުނާ މީހުންގެ ތެރެއިން ބައެއް މީހުން ގަޔަށް އެރި ވަޒަންތައް އަރާފައި ހުރީ، ސިފައިންގެ ތެރެއިން ގައުމުގެ ދިފާޢުގައި ތަނެއް ދޮރެއް ނުބަލާ ބުރުއްސަމުން ގެންދިޔަ ވަޒަން ތަކުން ބައެއް ވަޒަނުންނެވެ.


ބަނޑޭރިގެ އެތެރޭން ނުކުމެ އުދުހެމުން ދިޔަ ވަޒަންތައް، ދަތުރުކޮށްފައި ހުރި މިސްރާބުތައް އެންމެރީތިކޮށް ލަފާކޮށްލުމަށް ފަސޭހަ ވާނީ، އިސްލާމީމަރުކަޒުގެ ބޭރުފާރުތައް ފެނާނެ ގޮތަށް ނަގާފައި ހުރި އެދުވަހުގެ ފޮޓޯތައް ބަލައި ދިރާސާއެއް ކޮށްލުމުންނެވެ. ހުދުފާރަކުން ފެންނާނީ ވަޒަންތަކުން އެޅިފައި ހުރި ގިނަ ބައިވަރު ލޯވަޅުތަކެވެ. ވަރަށް ރިއްޗަށް ވަޒަންތަކުގެ މިސްރާބު ހުރިގޮތް އެފޮޓޯތައް ދިރާސާ ކުރުމުން ސާފުވެގެން ދާނެއެވެ.


އަދި ސިފައިންގެ އެތެރެ އިން، ފުރާޅުމަތިން ވަށައިގެންހެން ބުރުއްސި ވަޒަންތައް ދަތުރުކޮށްފައި ހުރިގޮތްތައް ދަނެގަނެވޭނެއެވެ. އަދި އެމްވީ ޕްރޮގްރެސް ލައިޓަށާއި އެބޯޓުގައި ތިބި ދިވެހި ހޮސްޓެޖުން ގަޔަށް ބަޑިޖެހީ ސީދާ އިންޑިޔާ މަނަވަރުންނެވެ. ބަޑިޖަހާއި ބޮން އުކާ ހެދިއެވެ. މިކަން ކުރީ ރަހީނުކޮށްފައި ތިބި ދިވެހިން މަރުވިޔަސް ހެޔޮކަމަށް ވަކިގޮތަކަށް މުޅި ހާދިސާ ފުރޮޅާލުމުގެ ބޭނުމަށެވެ.


ދިވެހިން ރަހީނު ކުރި އުދުވާނީ ބާޣީ ތަމަޅައިންނާ އެކު ދައްކަމުން ގެންދިޔަ ސުލްހައިގެ ވާހަކަތައް ހިކްމަތްތެރިކަމާ އެކު ކުރިޔަށް ގެންގޮސް އެމީހުން ބުނާ ހިކިފަސްގަނޑަށް، ނޫނީ ބަނދަރަކަށް ބޯޓު ގެންގޮސް ބޯޓުގައި ރަހީނު ކުރެވިފައި ތިބި ހޮސްޓެޖުން ސަލާމަތް ކުރުމުގެ ހަމަލާ ރީތިކޮށް، އިލްމީގޮތަށް ދެވުނީހެވެ. އޭރުން އުދުވާނީ ބާޣީން އެއްވެސް ދިވެއްސަކު ގަޔަށް އާގުބޯޓުގައި ބަޑި ޖަހާއި މަރާކަށް ނުޖެހުނީހެވެ. އޭރުން މުޅި ޕުލޭން އޮންނާނީ ހޮސްޓެޖުން ސަލާމަތް ކުރުމުގެ މައްޗަށް ރީތިކޮށް ބިނާ ކުރެވިފައެވެ.


އެހެނަސް ތަމަޅަބާޣީން، ދިވެހިން ކަނުބަނދެފައި ބޮލަށް ބަޑިޖަހާއި ބޯޓުތެރޭގައި މަރަން ފެށީ ދެފަރާތް ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް ސިޔާސީވެ ވަކި އެދުމެއްގެ މިސްރާބަށް އިންޑިޔާއިން ގެންދާން ފެށުމުންނެވެ. އިންޑިއާ ސިފައިން ބޭނުންވީި އެމީހުން ބޭނުންވާ ސިޔާސީ މިސްރާބަކަށް ސުލްހައިގެ ވާހަކަތައް ގެންދާށެވެ. ޚާއްސަ ސިއްރު ސިޔާސީ މަގުސަދުތަކެއް މުޅި އުދުވާނުން ހާސިލުކޮށް ނަގާށެވެ.


ސުރީލަންކާގެ އުތުރު ސަރަހައްދުގައި އިންޑިއާސިފައިން ހަރަކާތްތެރިވާން ތިބި ދުވަސްވަރެއްގައި މިހާ ބޮޑު ހާދިސާއެއް އިންޑިއާ ކަނޑުގައި ހިނގާ ދިއުމަކީ، އިންޑިއާގެ ޖާސޫސީ އިދާރާ "ރޯވ" އަށް ނޭނގި އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއްނޫނެވެ. އަހުރެން ގަބޫލު ކުރަނީ ދިވެހިރާއްޖެއަށް ލުތުފީ އާއެކު އެރި ޓެމިލް ޕުލޮޓު ގުރޫޕުގެ ތެރޭގައި "ރޯވ" ގެ ޖާސޫސުން އިންދާފައި ތިބިކަމަށެވެ.


އަދި މީގެ އިތުރުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ނަޒަރުކޮށް އަހުރެން ގަބޫލުކުރަނީ މާފަންނު ފަރީދީމަގުން، މަޝްހޫރު ގޯލްކީފަރު ހަމީޒު ގަޔަށް ވަޒަން އަރާފައި ހުރީ ދިވެހި ސިފައިންގެ ވަޒަންތަކުގެ ވަޒަނަކުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ތަޅުދަނޑިފަތި ނަންގަވަން ބަޑޭރިގެއަށް ވަޑައިގަތް މާފަންނު ރޯޒުބުޝް މުހައްމަދު ހަލީމުގެ ހަށިގަނޑަށް އެރި ވަޒަނަކީ ވެސް މިގޮތަށް އަރާފައިވާ ވަޒަނެއް ކަމަށެވެ.


މީހަކު މަރަން ބާޣީން ބޭނުން ވާހިނދު މަރާނީ، އެމީހުން މެރިމީހުން ކަން ކަށަވަރުކޮށް ޔަގީންވާ މީހުންގެ ގަޔަށް ވަޒަން ޖަހާފައި ހުރިގޮތަށެވެ. މަރާނީ ވަގުތުން މަރުވާ ގޮތަށް ބަޑި ޖަހައިގެންނެވެ. އެހާ ކައިރިން ވަޒަން ފޮނުވާލާނީ ސީދާ މަރުވަޅު ތަކަށް އަމާޒުކޮށެވެ. މާލެއަށް އެރި ބާޣީންނަކީ އެފަންނުގެ ފުރިހަމަ ތަޖްރިބާ ހުރި ޚަބީރުންގެ ގުރޫޕެކެވެ. ބަޑިޖަހާނީ ސީދާކޮށް މަރާލާށެވެ. ޝަހީދު ހަލީމް ހަށިކޮޅަށް އެރި ވަޒަނަށް ފަހު، އެބޭފުޅާ ފައިމަގުގައި ހިންގަވާފައި އެތައް ފިޔަވަޅުތަކެއް އަޅުއްވައި ދެދިމާ އަކުން ފެންފޮދަކަށް އެދި ވަޑައި ގެންނެވިކަން ވަނީ ސާފުވެފައެވެ.


ޚުދު އަހުރެންނަކީ އެރޭ ފަތިހު ބަޑީގެ ވަޒަނުގެ އަޑަށް ހޭލުމަށް ފަހު، ދެކަމެއް ތަޖްރިބާ ކުރި މީހެކެވެ. ފުރަތަމަ ކަމަކީ، ބާޣީންގެ ވަޒަންތަކުގެ އަޑުފައްގަނޑު އިވެންފެށުމުން، އެދުވަސްވަރު އެމެރިކާގައި ކިޔަވަން ހުންނެވި، ޑޮކްޓަރުވަހީދު މިހާރުގެ، ރައީސްވަހީދަށް ގުޅާފައި ބަޑީގެ އެ އަޑުފައްގަނޑު އިއްވި ފަރާތައް ވުމެވެ. ދެން ހަމަ އެވަގުތު އޭނާ، ޔޫއެންގައި އެދުވަސްވަރު ހުންނެވި ދިވެހިސަފީރު ސިއްކަގޭ ހުސައިން މަނިކުފާނަށް ގުޅުއްވައި މިކަން އެންގެވީއެވެ. ސަފީރު ހުސައިން މަނިކުފާނު އެޅުއްވި ކުއްލި ފިޔަވަޅުތައް އެހާ އަވަހަށް އެޅެއްވުނީ މިކޯލުތަކުންނެވެ.


ދެވަނަ ކަމަކީ، ލޮނުޒިޔާރަތްކޮޅަށް ކަސްރަތަށް ތައްޔާރުވެ ކަސްރަތުކުރާ ހެދުމުގައި ކަސްރަތުގެ ސާމާނު ގެންގުޅޭ ބެކުޕެކެއް ބުރަކައްޓަށް ވާގޮތަށް ކޮނޑުގައި އަޅުވައިގެން ބައިސްކަލުގައި މަގުމައްޗަށް ނުކުމެ، ދެދިމާއަކުން މާލެ އެރި ޕުލޮޓުބާޣީންނާ ކުރިމަތިވި ފަރާތަކަށް ވުމެވެ. މިދެފަހަރު މަތިން ވެސް އަހުރެން ގަޔަށް ބަޑިޖަހާކަށް ބާޣީންނެއް ނޫޅެއެވެ. އެދުވަސް ވަރަކީ އަހުރެން ކޮންމެ ރެއަކު ލޮނުޒިޔާރަތްކޮޅަށް ގޮސް ކަސްރަތުކޮށް، މޫދަށް އެރިފައި ގެއަށް އަންނަ އާދައެއް ގެންގުޅު އޭރުގެ ޒުވާނެކެވެ.


ފުރަތަމަ ހަތަރު ބާޣީންނާ ދިމާވީ ޖަވާހިރުވާދީ އިން ނުކުމެ އޯކިޑުމަގުން އިރަށް، ބަންޑާރަ މިސްކިތް ފަހަނަ އަޅާ ކުރިޔަށް ދުއްވުނު ފަހުންނެވެ. މާހަރުކަށި ނޫންގޮތަށް ބާޣީންގެ އަތުގެ އިޝާރާތުން އަހުރެންނަށް އެންގީ އެމަގުން ކުރިޔަށް ނުދިއުމަށެވެ. ދެން އަހުރެން އަވަހަށް ކަނާއަތަށް ޗާންދަނީމަގަށް އެޅީއެވެ.


ދެން ވަންވޭ ބޯޑަށް ބޯނުލަނބައި ތަންކޮޅަކަށް ދުއްވާފައި ކަނާއަތަށް އެޅީ ފޭމަންސް އާއި އަތަމާ ހުންނަ ގޯޅިއަށެވެ. ހިތަށް އެރީ ޑޮކްޓަރު އަހައްމަދީ އަނބިކަނބަލުން ސައީދާ އަރިހަށް ފޭމަންސަށް ވަންނާނީއެވެ. އެހެން ނޫނީ އަނެއްކާ ބާޣީންނާ ކުރިމަތިވާނީއެވެ. އެހެނަސް އެގޭގެ ދޮރާށި ހުންނަނީ ދިގުހަނިގޯޅިގަނޑެއްގައި ކަމުން ގޮވާގޮވާ ވެސް، ދޮރުތަޅުވާ ތަޅުވާވެސް ހުޅުވައިދޭނެ މީހަކު ނުވިއެވެ.


ދެން ޖެހުނީ އެގޯޅިން އަނެއްކާ އެނބުރި އައިކޮޅަށް، އިރަށް ކުރިޔަށް ގޮސް ޗާނދަނީމަގަށް ކަނާއަތަށް އަލާށެވެ. ދެން ފަރީދީމަގަށް، ކަނާއަތަށް ލަނބާލަން އުޅުނު ވަގުތު ބާޣީން ހަރަކާތްތެރިވާތަން ދިރާގައި އިސްލާމީމަރުކަޒާ ދޭތެރެއިން މަގުމަތިން ފެނުނެވެ. ބާޣީން އެއްވެސް އެއްޗެކޭ މިފަހަރަކު ނުބުނެއެވެ. އަހަރެން ވެސް ބާޣީންނާ ދިމާއަށް ނުދަމެވެ.


އަހަރެންގެ މިސްރާބު ހުރީ، އެމީހުންނާ، އަދި ސިފައިންގެމަރުކަޒާ ދުރަށް ފަރީދީމަގުން ހުޅަގަށް ދާގޮތަށެވެ. ވީމާ މިފަހަރު އެއިން ބާޣީއަކު އެއްޗެއް ނުބުނީކަމަށް ފަހަރުގައި ވެދާނެއެވެ. ބާޣީންނަށް ފުރަގަސްދީ އަހުރެން ފަރީދީމަގުން ކުރިޔަށް، ހުޅަގަށް ދިޔައީއެވެ. އެ ހަތަރުއަނގޮޅިން އިރަށް އަހުރެން ބަލައިލި އިރު، ހިމަނަރެއް އަޅައި މަގު މެދަށްވާ ގޮތަށް، ދިގަށް ވާހެން މަގުމަތީގައި ދިރާގު ދޮރާދިމާއިން ކުރިޔަށް ރަތްބައްތީގެ ކުދި ސިގުނަލް ލައިޓެއް ދިއްލިފައި ހުއްޓާ ފެނުނެވެ. ބެލެވެނީ ގޮއްވާލުމުގެ ކަންތަކުގެ ތައްޔާރީތައް ކަމަށެވެ. އަދި ސަރަހައްދު ނުރައްކާ ތެރިކަން އެންގުމުގެ އަލާމަތެއް ކަމަށް އަހުރެންނަށް ގަބޫލުކުރެވުނެވެ.


ދެން އަވަސް ވެގަތީ ބަގީޗާގޭ ކުތިމަތިން ލާފައި ހުޅަގަށް ކުރިޔަށް ގޮސް އޯކިޑުމަގަށް ކަނާއަތަށް އަޅައި ޖަވާހިރުވާދީއަށް ވަންނާށެވެ. އޭރު މަގުމަތީގައި ގޯލްކީޕަރު ހަމީޒު ވެއްޓިފައި، ނޫނީ މަރުވެފައި އޮއްވައެއް ނުފެނެއެވެ. އަހުރެން ބެލީ އަވަހަށް ބާރަށް ދުއްވާފައި ގޮސް ގެއަށް ވަދެވޭތޯއެވެ.


އާދެ، ގެއަށް ޖަވާހިރުވާދީ އަށް ގޮސް ދެން ބެލީ މަގުމަތިންނާއި ފުރާޅުމައްޗަށް އަރާއި ކުޅިބަލާށެވެ. އަދި އަހުރެން ގެންގުޅޭ މަލްޓިބޭންޑު ކުޑަރޭޑިއޯއެއްގެ ޒަރީއާއިން ޚަބަރުތައް އަޑުއަހާން ފެށީއެވެ. އެރޭޑިއޯ އަދިވެސް އެދުވަހުގެ އާސާރަކަށް ބާއްވާފައި އެބަ އޮތެވެ. ދިވެހިރާއްޖޭގެ އަޑު، ރޭޑިއޯއިން ނުލިބުނީމާ ދެން މަސައްކަތް ކުރީ ބީބީސީ ފަދަ ބައިނަލްއަގުވާމީ ނިއޫސްތައް ލިބިގަންނާށެވެ. ފުރާޅުމަތިން ސިފައިންގެއާ ދިމާއަށް ގިނައިން ބަލާއި ހަދަމުން ގެންދިއައިމެވެ.


އެއިން ފަހަރެއްގައި ފުރާޅުމަތީގައި ހުރި އިރު ސިފައިންގެއިން ފޮނުވާ ވަޒަނުން މަދު ވަޒަނެއްގެ ވައިގެ ޒޫންއަޑު ދެފަހަރެއްގައި އިވުނެވެ. ވައިގެޒޫން އަޑު އިވޭނީ ވަރަށް ކައިރިން ބާރުސްޕީޑުގައި ވަޒަނެއް ދަތުރުކުރީމައެވެ. އެހާ ދުރަށް، ޖަވާހިރުވާދީއައި ހަމައިން، މަތިން ވަޒަން ދަދުރުކުރި ސަބަބެއް އަދި ވެސް އޮތީ ނުހޯދިއެވެ. ބެލެވެނީ ސިފައިންގެ ބަނޑޭރިގޭ ފުރާޅުމަތިން ޖަހާ ވަޒަނުން ކަމަށެވެ. ބުރާސްފަތި ދުވަސް އެކުގައި ދިޔައީ މިކަމެއްގެ ތެރޭގައި ބިޒީކޮށެވެ.


ދެން ހުކުރު ދުހަށް ހޭލާއި ފުރަތަމަ ވެސް ކުރި ކަމަކީ ފަތިސްނަމާދަށް ފަހު ބައިސްކަލުގައި އަހުރެން ގޮސް އޭރު އަހުރެން ވަޒީފާ އަދާކުރާ އޮފީސް، އިސްލާމީ މަރުކަޒުގެ ރަސްމީމޭޒު ބަލައިލަން ދިއުމެވެ. އެދިއުމުގައި ބަގީޗާގެ ކުރިމަތީ މަގުމަތީ ހިސާބެއްގައި ޝަހީދު ހަމީޒުގެ ހަށިގަނޑު މަރުވެފައި އޮތްތަން ފެނުނެވެ. އަދި އިސްލާމީމަރުކަޒު ބުރު ހިސާބަށްވާ ގޮތަށް، ސަލްޓަންޕާކު ފެންސާއި އިސްލާމީމަރުކަޒުގެ ފެންސާ ދެމެދު މަގުމަތީގައި ބަނޑޭރިގޭ ފާރު ބިއްދަރުން ގޮއްވާލި ގުރޫޕުގެލީޑަރު އައްޕި ވެއްޓިމަރުވެފައި އޮތް ހަށިގަނޑު ފެނުނެވެ.


އޮފީހުގައި ރަސްމީމޭޒު ހުންނަ ބައިގެ ތަޅުދަނޑިއެއް އަތުގައި އޮތުމުން ހުޅުވައިގެން އޮފީހަށް ވަދެތަންތަން ބަލާ ހެދީމެވެ. ވަޒަނުގެ ބައެއް ދޯރިތައް މަރުކަޒު އެތެރެއިންނާއި ބޭރުމަގުމަިން ހޮވީމެވެ. ދެން ބަނޑޭރިގެ ކުރިމައްޗާއި އެމްއެމްއޭ ހިސާބު ގަނޑު ބަލާއި ހަދާއި އެކި ސައިޒުގެ ވަޒަނުގެ ހުސްދޯރި އެއްކުރީމެވެ.


އޭގެ ބައެއް ދޯރިތައް މިހާރުވެސް އަހުރެންގެ އަތުގައި ފޮރުވާފައި އެބަހުއްޓެވެ. އާސާރެއްގެ ގޮތުގައެވެ. ބައެއް ދޯރި އަހުރެން ޖަލުގައި ހުއްޓައި ޖަވާހިރުވާދީ ބަލައި ފާސްކުރުމުގެ ތެރޭގައި ސިފައިންގެއަށް ގެންދިޔަތަކެތީގެ ތެރޭގައި ފާސްކުރުމަށް ގެއަށް ވަތް ސިފައިން ގެންގޮސްފައި ވެސް ވެއެވެ.


އާދެ! އުދުވާނީ ހަމަލާގެ ފުރަތަމަ ސުކުންތުގައި ވަސަންތީ ގުރޫޕަށް ކާމިޔާބެއް ނުހޯދި އުޅެނިކޮށް ވަސަންތީ ގަޔަށް އެރިވަޒަނާ މެދު އަހުރެން ގަބޫކުރަނީ، ފަހަތުން އިންޑިއާގެ ޖާސޫސަކު ޖެހި ވަޒަނެއް ކަމަށެވެ. އަދި ދިވެހި ސިފައިންގެ މަރުކަޒު ބަނޑޭރިގެ ފުރަގަހުން ބާގަނޑެއް އެޅުމަށް ގޮއްވާލި ތަމަޅަޕުލޮޓު ބާޣީ ގުރޫޕުގެ ވެރިޔާ އައްޕި މަރާލެވުނީ ވެސް މިތޮތުގެ މަތިން ކަމަށެވެ.


އަދި ވަސްންތީގެ އެހީތެރިޔާ ޖޫލީ ވެސް މަރާލިއެވެ. މިތިންބާޣީން ބަނޑޭރިގެއަށް ދެވުނު އުދުވާނީ ހަމަލާގެ ފުރަތަމަ ސުކުންތުގައި މަރާލެވުނެވެ. މިއީ ބާޣީންތެރޭގައި އިންދައިފައި ތިބި ޖާސޫސުންގެ ރޭވުމަކީ މިއެވެ. މިކަން، ލީޑަރުންތައް މަރާލުން ހިނގާ ނިންމާފައި ވަނީ ސިފައިންގެ ބަޑިގުދަނުގެ ތަޅުދަނޑިފަތު ލިބުމުގެ ކުރިންނެވެ.


އިންޑިއާ ޖާސޫންގެ ރޭވުމަކީ މާސިންގާ ސިއްރު ޕުލޭނެކެވެ. އެކަން އެނގޭނީ ހަމަ އެކަނި އެއިދާރާގެ ބޮޑުންނަށެވެ. ފަހަރުގައި އެރޭވުމަކީ ޓެމިލްއީލާމް ތަމަޅައިން ލަންކާއިން އެކުގައި ނައްތާލުމުގެ ބޭނުމުގައި ރޭވުނު ސިއްރު ރޭވުމަކަށް ވުން ގާތެވެ. ގިނަގުނަ ހުނަރުތަކެއްގެ ތަޖުރިބާތަކެއް ލިބިފައި ތިބި ހުޝިޔާރު ބާޣީންތަކެއް މަރާލާއި ދުވަސްދުއްވާލެވޭނީ މިކަހަލަ ބޮޑު ރޭވުމެއްގެ ތެރޭގައެވެ.


ތަމަޅަ ގުރޫޕުތަކުގެ އިސްފަރާތްތައް ދުނިޔޭން ނައްތާލުމަކީ އިންޑިއާގެ ޖާސޫސީ އިދާރާގެ ރޭވުމަކަށް ވާނެކަން ޔަގީނެވެ. އެހެންވެ މިކަން ހިންގާނީ ލަންކާގެ ޖާސޫސީއިދާރާއަށް ސިއްރުކޮށެވެ. ދިވެހި ހޮސްޓެޖުން ތިބި އާގުބޯޓު ލަންކާ ސަރަހައްދަށް ވަނަ ނުދިނީ އެހެންވެއެވެ.


ލުތުފީގެ ގޭގައި ތަމަޅަ ޕުލޮޓުލީޑަރު އުމޭ މަހޭޝް ވަރަމް ދިރިއުޅެން އައިސް އެ ގޭގައި ހުރެ ރަހުމަތްތެރި ކަމުގެ އަމިއްލަ ގުޅުންތަކެއް ލުތުފީއާ އެކު ހިންގައި ދެފަރާތުން ފަރުދީ ޒާތީ ފައިދާތަކެއް ނަގަން އުޅުނީއެވެ. ލުތުފީ އަކީ ވަރަށް ހުޝިޔާރު ބޭފުޅެކެވެ. އަޅުގަނޑަށް ލުތުފީ ފުރަތަމަ ފަހަރަށް ތައާރުފުވީ މައްކާގެފުޅު އިމާރާތް ހަރަމްފުޅުގެ އެންމެމަތީ ބުރިންނެވެ. ޓެރަސުންނެވެ.


ލުތުފީކަން ފަޅާ އެރީ ލުތުފީ ދިވެހިބަހުން ވާހަކަދައްކަވަން އަމިއްލައަށް ފެއްޓެވުމުންނެވެ. ފުރަތަމަ ލުތުފީ އެދުނީ އޭނާގެ ބެކުގުރައުންޑުން ގެފުޅު ފެންނަގޮތަށް ފޮޓޯއެއް ނަގައިދިނުމަށެވެ. އޭރު އަހުރެމެން ކިޔަވާ ދެތިން ކުދިން ގެންދިޔައީ އެގޮތަށް އެކަކުއަނެކަކަށް ފޮޓޯ ނަގަމުންނެވެ. އަހުރެމެން ދިވެހިބަހުން ވާހަކަދައްކަމުން މަޖާނަގަމުން، ވަގަށް ފޮޓޯނަގަމުންގެންދާތީ ލުތުފީއަށް އަހުރެމެންނަކީ ދިވެހިންކަން ވަނީ ދަނެގަނެފައެވެ. އެހެނަސް އޭނާ އެއްޗެއް ބުނުއްވުމުގެ ކުރިން އަހުރެމެން ހީކުރީ އެއީ ލަންކާ ނޫނީ އީރާނު ހިސާބު މީހެއްކަމަށެވެ. އޭރު ސައުދީގައި މުޅިންވެސް ލުތުފީ ތުރުކުރައްވަމުން ގެންދެވީ ހުދު ގަންޖިފަރާހާއި ލެދާބެލްޓުއެޅި ފަޓުލޫނެވެ.


އަހުރެމެން ކައިރީ ފޮޓޯއަކަށް އެދި ވާހަކަދެއްކެވީ ދިވެހިބައެއްކަ ވަރަށް ރަގަޅަށް ދަނެގަތުމަށް ފަހެ، ދިވެހިންކަން ކަށަވަރު ވުމުންނެވެ. މިކަން ހިނގީ ލަންކާ ބަޔަކާ އެކު ޝަޚުސިއްޔަތު އޮޅުވާލައްވައިގެން ލަންކާ ޕާސްޕޯޓެއްގައި ސައޫދީއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. ދެން އަހުރެމެންނައި ރަހުމަތްތެރިވެ އަހުރެމެން ކިޔަންތިބޭ މަދީނާ ޔުނިވާސިޓީ ހޮސްޓަލަށް ގެނެސް އެކުގައި މަދީނާގައި ހޮސްޓަލުގައި ތިބިމުގެ ތެރޭގައެވެ.


ސާފު ހަގީގަތަކީ ތަމަޅަ ގުރޫޕުތަކުގެ ތެރެއިން އިންޑިއާސިފައިނާ ގުޅުނު ފުރަތަމަ ތަމަޅަ ގުރޫޕަކީ އުމޭ މަހޭޝްގެ ޖަމާއަތް ޕުލޮޓަށް ވާކަމެވެ. މިއީ އޭރު އިންޑިއާ ސިފައިން ގެންގުޅުނު ގޮނޑިކޮއްކޮ ތަމަޅަގުރޫޕެކެވެ. ތަމަޅަ ޕުލޮޓު ޖަމާއަތުގެ ބާޣީން ލުތުފީ އާއެކު މާލެ އެރުމުގެ ކުރިން، އިންޑިއާ ސިފައިންގެ ދެތިންމީހަކު މާލެ އައިސް ސިފައިންގެ ވަށައިގެން ހިނގާބިނގާވެ ފޮޓޯނަގައި ހަދާފައިވާކަން ދިވެހި ބަޔަކަށް ވަނީ ފާހަގަކުރެވި ފަޅާ އަރާފައެވެ. އަދި އެވާހަކަ ރަސްމީކޮށް ދިވެހި ސަރުކާރަށް، ސިފައިންގެއަށް ވެސް ފަހުން އެންގުނެވެ.


ލުތުފީ ގޭގައި މީނާ، އުމާ މަހޭޝް ދިރިއުޅެމުން ގެންދިޔައީ ރައްޓެއްސެއް ގޮތުގައި މެލޭޝިއާ ވިޔަފާރިވެރި މީހަކަށް ހެދިގެންނެވެ. އެއީ އުމޭ ކަން މީހުންނަށް އެނގުނީ މާފަހުންނެވެ. މިހާރު އުމޭ ވަނީ ގޮތްނޭނގޭ މަރެއްގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރީގައި މަރާލާފައެވެ.


ދިވެހިރާއްޖޭގެ ސިޔާދަތީބާރު އެއްވެސް ހާލެއްގައި އެފަދަ ހަނގުރާމަވެރި ބާޣީގުރޫޕަކަށް، ނޫނީ ލުތުފީ ފަދަ ސިޔާސީފިކުރެއް ނުގެންގުޅޭ ވަކި އަމިއްލަ ފަރުދަކަށް ހޯދައިދޭށް އިންޑިއާ ނުރާވާނެކަން ޔަގީންކަމާ އެކު ގަބޫލު ކުރެވެއެވެ. އެހެނަސް އިންޑި އިން މުޅި އިންޑިއާ ކަނޑަށް، ދިވެހިރާއްޖޭގެ މައްޗަށް ނުފޫޒު ހިންގުމަށް މިފަދަ ރޭވުމެއް، ނޫނީ މިފަދަ ސިއްރުޕުލޭން ރާވާއި ތަންފީޒު ކުރުމަކީ އިސްތިރާތީޖީ ގޮތުން ޖާސޫސީ އިދާރާއަކުން ރާވައި ތަންފީޒުކޮށް ފާނެ ކަމެކެވެ.


ދިވެހިސަރުކާރުން ދިވެއްސަކަށް ބޯޓުމަތީގައި އަނިޔާކޮށް މަރާލަފާނެ ގޮތަކަށް ސުލްހައިގެ ވާހަކަތައް ގެންދިއުން، އަދި އިސްވެ ބޯޓަށް ބަޑިޖެހުން ފަދަ ހޮސްޓެޖުން ފުރާނައަށް ނުރައްކާތެރި ވާފަދަ ކަންކަން އިސްވެ މަނާކުރެވުނު ނަމަ، ހަގީގީމަގުން ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދެވުނީހެވެ. އަދި ދިވެއްސަކު ބޯޓުމަތީގައި މަރުނުވީހެވެ. އެހެނަސް އެކަން ކުރީ އިންޑިއާ ސިފައިން ބޭނުންވާ ގޮތަށެވެ. ހެކިތައް ނައްތާލުމަށް ދިވެހިރައްޔިތުންގެ ބޯޓު ގަނޑު ވެސް މުދަލާ އެކު ފައްތާލީއެވެ. އަދިއަދަށް ވެސް ނޭންގޭ އެތައް ސިއްރުތަކެއް މިކަމުގެ ތެރޭގައި ފޮރުވިފައި އެބަހުއްޓެވެ.


އިންޑިއާ ސިފައިން ދިވެހިރާއްޖެ އިން ފައިބައިގެން ދިޔައީ ބަދަލަކީ ފައިސާ ކަމަށް ބުނެ ބޮޑުއަދަދެއްގެ ފައިސާ ސަރުކާރުން އަތުލާފަކަން މިހާރު ވަނީ ހާމަވެފައެވެ. ސަރުކާރުން އިންޑިއާއަށް އެފައިސާ ދެއްކީ ރައްޔިތުންގެ މުދާ ކަމުގައި އާގުބޯޓުފަހަރަށް ދާންދެން ވިއްކާލާފައެވެ. މިހުރީ ސަރުކާރުން ބުނެދޭން ޖެހޭ ވާހަކަތަކެވެ. ރައްޔިތުންނަށް ސާފުވާން ޖެހޭ ހައްގު ވާހަކަތަކެވެ.


ފަހެ، މިހާރުވެސް ބަންދުގައި ތިބި، ސަގަރު ނާސިރާއި އަބްދުﷲ ލުޠުފީއަށް ޢަފޫ ކޮށް ދޫކޮށްލުމަށް ރައީސް މައުމޫނަށް މިފުރުޞަތުގައި ވެސް އަޅުގަނޑު އިލްތިމާސްކޮށް ގޮވާލާއި ދަންނަވަމެވެ! ކުރިން ވާނީ ޝަރީއަތްތައް އަޑުއަހަމުން އަހުރެން ގެންދިޔަ ދުވަސްވަރު، ރައީސްމައުމޫނަށް ސިޓީއެއް ވެސް ރަސްމީކޮށް މިކަމާ ގުޅިގެން ލިޔެފައެވެ. އެމަނިކުފާނު ޖަވާބުވެސް ދެއްވާފައެވެ. ފަހެ، މިތަހުގީގަކީ، އިތުރަށް ރަސްމީކޮށް ދިވެހި ގައުމަށްޓަކައި އަންނާން އޮތް ދިވެހިޖީލަށް ހަގީގަތް ސާފުކޮށް ދިނުމަށްޓަކައި ބަލައި ކުރިޔަށް ގެންދަންޖެހޭ ތަހުގީގެކެވެ!!


އާދެ! މިނޯޓަކީ، 2006 ވަނައަހަރު އެސަންދާނު މަޖައްލާގެ، 30 ވަނައަދަދުގައި މިއާޓިކަލް ޖެހުމަށް، ބޭނުންވެގެން އެދުމުން އަޅުގަނޑު ލިޔުނު ނޯޓެކެވެ. ދުވަހުން ދުވަހަށް މިނޯޓު ތާޒާ ކުރަމުން އެބަ ގެންދަމެވެ. ޝުކުރިއްޔާ!!


ބަނޑޭރިގޭގެ މައިދޮރާށި
ބަނޑޭރިގޭގެ މައިދޮރާށި

މަޒުމޫނު:


އާދެ! 3 ނޮވެމްބަރ 1988މ. ވަނަދުވަހުގެ އެންމެފަތިހު ވަގުތުގައި މާލެއަށް ދެވުނު ވަރުގަދަ ހަމަލާއަކީ، ދިވެހި ތާރީޚު ދުށް އެންމެ އަނިޔާވެރި ހަމަލާ ކަމަށް ހުރިހާ ދިވެހިން ވެސް އެއްބަސްވާނެއެވެ. އެންމެފުރިހަމަ އަސްކަރީ ތަމްރީނުތައް ހަދާފައިވާ، 80 ވަރަކަށް މީހުން ޒަމާނީ ހަރިޔާރާ އެކު ދެތިން ބޯޓެއްގައި އައިސް މާލެ އަރައި ދިން އުދުވާނެކެވެ. ދިވެހިގައުމާއި ދިމާވި، މިފަދަ ބޮޑު މުސީބާތެއް، ހައްލުވެފައި އޮންނަންވާނީ އެންމެހާ ރައްޔިތުންނަށް ފާޅުގައި ސާފުކޮށް އެއުދުވާނުގެ އެންމެއަޑި އެނގި ސާފުވެ، ޝާމިލްވާ ގޮތަށެވެ. ޝައްކެތް ނެތެވެ. އެއްވެސް އޮޅުމެއް ނުވާގޮތަށެވެ. ތަހުގީގުގައި ފޮރުވާފައި ހުރި ސިއްރުތައް އޮޅުންފިލާއި ސާފުވާން ޖެހެއެވެ.


ފަހެ، ގައުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ގައުމުގައި ދައުލަތުގެ ބާރުވެރިންނަކީ ރައްޔިތުންނެވެ. ގައުމުގައި ރައްޔިތުންގެ ކިބައިން ރައްޔިތުންގެ ބާރެއްގެ ގޮތުގައި ރަސްމީކޮށް އުފައްދާފައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ބާރެވެ. އެހެންކަމުން ގައުމަށް ދިމާވާ ބޮޑެތި ހާދިސާތަކާއި ކުއްލި ހަމަލާތައް ފަދަ ކަންތައްތައް ހައްލު ކުރެވި، ތާރީޚާއި ހަމައަށް ދޫކޮށްލެވެން ވާނީ، ރައްޔިތުންގެ މަޖިލީހުގައި އެކަމާ މެދު ވަރަށް ރަނގަޅަށް، އެހާމެ ފުންކޮށް ބަހުސްކުރެވި، މުޅިހަގީގަތް އޮޅުން ފިލާވަރުގެ ވަރުގަދަ ރިޕޯޓެއް ލިޔެވިގެންނެވެ. އަދި ރައްޔިތުންމަޖިލީހުން ނިންމާއި ފާސްކުރާ ގޮތެއްގެ މަތިން ޝަރީޢަތް މެދުވެރިވެ ފިޔަވަޅު އެޅި ކަންކަން ނިމިގެންނެވެ.


އެހެންނޫނީ ހަގީގަތާދުރު ގޮތަކަށް އެކަންތައް ބޮޑު އޮޅުމާއެކު، ތާރީޚަށް ވަދެ އަސްލު ފޮރުވިގެން ދާނީއެވެ. ރައްޔިތުންނާއި ގައުމުގެ މުސްތަގުބަލަށް ބޭނުންވާނެ އެތައް ސިއްރުތަކެއް އޮންނާނީ ގެއްލިފައެވެ. ނޭނގިއެވެ. އުދުވާނު ހިންގުނު ސިޔާސީ މަގުސަދާއި ބޭނުން އޮންނާނީ ނުހޯދިއެވެ. އިންފިރާދީގޮތުން އެކިއެކި މީސްމީހުންގެ އަތުގައި ފޮރުވިފައި ހުންނަ ތާރީޚަށްވުރެ، ބައިނަލްއަގްވަމީ ފެންވަރުގައި، އަވަސްކޮށް ފެތުރިގެންދާނީ، ސަރުކާރުން އެކަމެއް ތާރީޚުގައި ނޯޓްކޮށް ލިޔާ ގޮތަކަށެވެ.


އާދެ! ފަހަކަށް އައިސް އަޅުގަނޑުމެންގެ ގައުމާ، ދިމާވި އެންމެ ނުރައްކާތެރި މިހަމަލާގައި ބައިވެރިވި މީހުން ޝަރީޢަތަށް ފޮނުވި ދައުލަތުގެ ހައިކޯޓުން އެކަމުގެ ޝަރީޢަތް ކުރެވި މިހާރު ވަނީ، އެހަމަލާގައި ބައިވެރިވި މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލް ޢުޤޫބާތުގައި، ކަނޑައެޅިފައި އޮންނަ ކުށުގެ ޙުކުމްތައް އިއްވިފައެވެ. ޢުޤޫބާތް ދެވިފައެވެ. މިކަން ހިނގާ މިދިއައީ، ރައްޔިތުންގެ މަޖިލީހާ ހަމައަށް ނުގޮސް އެންމެ ފުރިހަމައަށް ހާދިސާގެ އަޑި ހޯދޭވަރަށް ދިރާސާ ކުރުމެއްނެތިއެވެ. ދައުލަތުގެ އެހެނިހެން ޝަރީޢަތްތައް އާންމުކޮށް ހިނގާ ފަދައިން ވެރިމީހާގެ ނުފޫޒާއި ބާރު ހިމެނިގެންނެވެ. ބޮޑުކޮށް ޝާމިލްވެގެންނެވެ.


ދިވެހި ރާއްޖޭގައި އެކިއެކި ސިޔާސީ މަގުޞަދުތައް ޝަރީޢަތައި މަސްހުނި ކުރެވޭލެއް މަދެއް ނޫނެވެ. ވެރިކަމުގެ ބާރާއި ޝަރުއީބާރަކީ މަޖްލިސް ބާރަކީ އެކެއްޗެކެވެ. މުގޫ އޮންނަނީ އެކެއްގެ އަތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މަރުހަލާގައި ބަލަންޖެހޭ އެތައް މުހިންމު ކަންތައްތަކެއް މިތަހުގީގުން ވަނީ، ވަކިބައެއްގެ ސަލާމަތަށް ޓަކައި އުނި ކުރެވިފައެވެ. ފަހެ، އެއީ މިއުދުވާނަށް ގެނެވުނު ވަށްތަރެއްގެ ސިޔާސީ ކުރުމެކެވެ. ގަސްދުގައި ޖެއްސި ސިޔާސީ ކުލައެކެވެ. ސުވާލުކުރަންޖެހޭ ބައެއްމީހުންނައި ސުވާލު ނުކޮށް ދޫކޮށްލެވުނެވެ.


އާދެ، ދިވެހިންގެ މަދު ބަޔަކަށް އަމިއްލަފަރުދީ ހައްގުތަކެއް ނުލިބިގެން އުފެދުނު އުދާސް ގަނޑެއްގައި ބޭރުގެ ބާރަކައި ގުޅިގެން، ބޭރުގެ ކުލީ ސިފައިން ގެނެސް ހިންގި ދެކޮޅުވެރި ހަމަލާއަކީ، ދިވެހިންގެ ދާޚިލީ ރޭވުމަކަށް ވާހިނދު، އެމެރިކާ އާއި ޔޫއެންގެ ރަސްމީބަހެއް ފާޅުގައި ނެތި ކުއްލިއަކަށް ހަމަ އެކަނި އިންޑިއާ ސިފައިން ރާއްޖެ އެރީ ކީއްވެތޯއެވެ؟ އެމެރިކާ މަނަވަރު ކައިރި ވިޔަ ނުދީ ދާންޖެހުނީ ކީއްވެ، ކިހިނެއްވެގެން ތޯއެވެ؟ އެދުވަހާއި އެދުވަހުގެ ކުރިން، ދިވެހި ޚާރިޖިއްޔާ އާއި އިންޑިޔާގެ އިސްފަރާތްތަކާ ދެކެވުނު ސިއްރުވާހަކަ ތަކަކީ ކޮބައިތޯއެވެ؟ ދިވެހި ޚާރިޖިއްޔާގެ އިސްވެރިންގެ ތަހުގީގީ ބަޔާންތައް ކޮބައި ތޯއެވެ؟ މިއީ އުފެދޭ ސުވާލުތަކެވެ.


ހޮސްޓެޖުން އުފިލި އާގުބޯޓު އެމްވީ ޕުރޮގުރެސްލައިޓަށް އިންޑިއާސިފައިންބަޑިޖަހަނީ
ހޮސްޓެޖުން އުފިލި އާގުބޯޓު އެމްވީ ޕުރޮގުރެސްލައިޓަށް އިންޑިއާސިފައިންބަޑިޖަހަނީ

ހޮސްޓެޖުން އުފުލި އުޅަނދު އެމްވީ ޕްރޮގްރެސް ލައިޓް ބައިނަލްއަގުވާމީ ކަނޑުގައި ވަނިކޮށް، ހޮސްޓެޖުންގެ ފުރާނައަށް ގެއްލުންވާގޮތަށް ހަމަލާ ދެވުނީ ކީއްވެތޯއެވެ؟ ކާކުގެ އޯޑަރަކަށް ތޯއެވެ؟ ރައްޔިތުންގެ ބޯޓަކާއި މުދާތައް ފައްތާލީ ކާކުގެ އަމުރަށް ކީއްވެގެން ތޯއެވެ؟ ކޮންގާނޫނަކުން ހުއްދަ ލިބިގެން ތޯއެވެ؟ ރާއްޖެއަށް ހޮސްޓެޖުން ދަތުރުކުރި އުޅަދުފަހަރު ނުހޯދީ ކީއްވެގެންތޯއެވެ؟ އާގުބޯޓު ފައްތާލިއިރު ބޯޓުހުރި ތަން އެނގޭ ރަސްމީ ލިޔުމެއް ނުހޯދުނީ ކީއްވެތޯއެވެ؟ މާލޭން ފުރައިގެން ދިޔަ އެމީހުންގެ ތިންވަނަ އުޅަދުގެ ތަފުސީލު ވަނީ ނޭނގި ފޮރުވާފައެވެ. ގެއްލުވާލާފައެވެ. މިފަދަ އެތައްކަމެއް ފޮރުވިފައި އެބަހުއްޓެވެ.


ޕުރޮގުރެސްލައިޓަށް މަތިން ވެސް ހަމަލާދެވުނު
ޕުރޮގުރެސްލައިޓަށް މަތިން ވެސް ހަމަލާދެވުނު

އަދި މިޢުދުވާނުގައި ޝަހީދުވެ ދިޔަ، 19 ދިވެހިންގެ ގަޔަށް ވަޒަން އަރާފައިވާގޮތް، ވަރަށް ތަފްސީލުކޮށް އެނގެން ޖެހޭނެއެވެ. ދިރާސާކުރެވެން ޖެހޭނެއެވެ. އަދި އެއީ ކޮންބައެއްގެ އަތުންއެރި ވަޒަންތަކެއް ކަން ކަށަވަރުކޮށް ވަކިވަކިން ތަފްސީލު އެނގެން ޖެހޭނެއެވެ. ކޮންކޮންބަޑި ތަކަކުން ނުކުތް ވަޒަން ތަކެއްކަން ސާފުކޮށް އެނގެން ޖެހޭނެއެވެ.


ކިހާ ދުރު މިނެއްގައި ޖަހާފައިހުރި ވަޒަންތަކެއް ކަން ސާފުކޮށް ހޯދި އެނގެން ޖެހޭނެއެވެ. ކާކުގެ އޯޑަރަށް ކިހިނަކުން ޖެހުނު ވަޒަން ތަކެއްކަން އެބަ އެނގެން ޖެހެއެވެ. ހަމައެފަދައިން ހަނގުރާމައިގެ މައިދާނުގައި މަރުވެދިޔަ ކުލީސިފައިންގެ ހަށިތަކަށް އެރި ވަޒަންތައް ދަތުރުކޮށްފައި ހުރި މިސްރާބުތަކާއި އެވަޒަންތައް އައި މިސްރާބު ފާހަގަކުރެވެން ޖެހޭނެއެވެ.


ޕުރޮގުރެސްލައިޓަށް އިންޑިއާސިފައިން މަތިން ދިން ހަމަލާއެއްގެ ފޮޓޯ
ޕުރޮގުރެސްލައިޓަށް އިންޑިއާސިފައިން މަތިން ދިން ހަމަލާއެއްގެ ފޮޓޯ

މަރުވި އެންމެންގެ މަރުތައް ހިނގާދިޔަ ގޮތުގެ ތަފްޞީލުތައް ވަކިވަކިން ވަރަށް ސާފުކޮށް އެނގެން ޖެހޭނެއެވެ. ރިޕޯޓުގައި ލިޔެވިފައި އޮންނަން ވާނެއެވެ. އަދި އެރިޕޯޓަކީ ބައިނަން އަގުވާމީ ފެންވަރުގައި ގަބޫލުކުރާނެ ތަހުގީގެއް ހިންގިފައިވާ ރިޕޯޓަކަށް ވާންޖެހޭނެއެވެ. މިހާރުވެސް ފެންނަން ހުރި ފޮޓޯތަކުންނާއި އެކިޒާތުގެ ހެކިތަކުން، އެދުވަހުގެ ވަޒަންތައް ދަތުރު ކުރި ގޮތް ބުނެދެއެވެ. މިސްރާބު ހޯދޭނެއެވެ. އިތުރު އެތައް ތަހުގީގެއް ކުރެވޭނެއެވެ.


ފަހެ، ދަންނައެވެ! މިހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގައި ވާހަކަ ދެކެވުނުހާވެސް ވަރަކީ، އެހަމަލާ ކުށްވެރިކޮށް، ވަރަށް އާދައިގެ ގަރާރެއް ފާސްކޮށް ލުމެވެ. މިކަމުގައި ފޯރިއާއެކު، ބަހުސް ކުރެވިގެން ދިޔަ މަންޒަރު އާންމުކޮށް ޓީވީންވެސް ފެނުނެވެ. މަންޒަރުތައް ދެއްކިއެވެ. ބޮޑަށް ބަހުސް ހޫނުވެގެން ދިޔައީ، ބޭރު ބައެއްގެ ޢުދުވާނީ ހަމަލައެއްތޯ؟ ނުވަތަ އެތެރެއިން، ދިވެހި ބައެއްގެ ފަރާތުންއައި ޢުދުވާނީ ހަމަލައެއް ތޯއެވެ؟ މި ދެމާނައިން ކުރެ ރަސްމީކޮށް އޮންނަންވީ، ކޮން މާނައެއް ނުކުންނާނެ ޢިބާރާތެއްތޯ ބެލުމަށެވެ.


އާދެ، އެއިބާރާތް ކުރާނެ ގޮތަކާ މެދުގައެވެ. ހަގީގީ ހާދިސާއަށް ފަންނީނަޒަރަކުން އަލިއަޅުވާ ލާފައެއް ނުވެއެވެ. ސިޔާސީ ނަޒަރަކުން އެއްގޮތަކަށް ވެސް ބަލާފައި ނެތެވެ. އެގޮތުން ސުވާލު ކުރަންޖެހޭ ފަރާތްތަކައި ވަނީ ސުވާލުނުކޮށް ދޫކޮށްލާފައެވެ.


މިވާހަކަތައް ދެއްކި އެއްވެސް އިއްޒަތްރެތި މެންބަރަކު ވެސް ނެތެވެ. ފުރިހަމަ ތަހުގީގީ ރިޕޯޓެއްގެ ނަންވެސް ނުގަނެއެވެ. ރައްޔިތުންގެ މަންދޫބުންގެ މެދުގައި އެބަހުސް ގެންދިޔައީ މިހާވެސް ފެން ކޮށެވެ. ކިހާދެރަތޯއެވެ؟ މިވަރަށް މިވާހަކަ ލިޔުމަކީ ބޮޑުކުށަކަށް ނުހަދައިފިއްޔާ ސަހަރޯއެވެ!!


ފަހެ، ދަންނާށެވެ! އަޅުގަނޑުގެ ވާހަކަ އަކީ، ގައުމައި ދިމާވާ މިފަދަ ބޮޑެތި ކަންތައްތައް މުޅިން އެކުގައި ނިމިގެން އަރުޝީފަށް ދާންވާނީ، ރައްޔިތުންގެ މަޖްލީހުގައި ހޫނުކޮށް ބަހުސްކުރެވި އެމަޖިލީހުގައި، ތިއްބަވާ އިއްޒަތްތެރި ބޭފުޅުންގެ ޚިޔާލު ފުރިހަމައަށް ލިބިގެންނެވެ. މުޖުތަމައުގެ ހިއްސާ އޮވެގެންނެވެ.


ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ކަންތައްތައް ކުރަނީ ރަނގަޅަށްތޯ، ނުވަތަ ނުބައިކޮށްތޯ ބެލުމަށް ރައްޔިތުންގެ ފަރާތުން އައްޔަން ކުރެވިފައި އޮންނަބާރަށް ވާތީއެވެ. ފަހެ، ރައްޔިތުންގެ ހުރިހާކަމެއް ބެލެހެއްޓުމުގެ ގެއަކީ، މަޖިލީހެވެ. މަޖިލިސްކުރާ ގެއެވެ. މިކަން މިގޮތަށް ނުކުރާ ނަމަ ރައްޔިތުންނަށް އެކަމާ ސުވާލު ކުރެވޭނެއެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ.


މިސާލަކަށް މީހެއްގެ ގެއެއް، ބެލެހެއްޓުމުގެ ކަންތައްތައް މީހަކާއި، ނުވަތަ ބަޔަކާއި، ޙަވާލު ވެފައި ވަނިކޮށް އެގެއަށް ޓެރަރިސްޓުންގެ ބިރުވެރި ބަޔަކު ވަގަށް ވަދެ، ނޫނީ ގަދަބާރުން ވަދެ، ގެއަށް ގެއްލުންދީ، ގެލޫޓުވާލާ، ގެތަޅާލުމަށް ފަހު، ބަޔަކު މަރާލާފައި ދިއުމުން ކުށްވެރިވާނީ، ހަމައެކަނި އެގެއަށް ވަގަށް ވަދެގަތް ޓެރަރިސްޓުން އެކަނި ތޯއެވެ؟ އެގެ ބެލެހެއްޓުމުގެ ހުރިހާ ކަމަކާ ޒިންމާ ނަގައިގެން، ޙަވާލުވެ ތިބި މީހުންނައި އެންމެ ކުޑަމިނުން ސުވާލެއްހާ މިންވަރުވެސް ކޮށްލުމެއް ނެތި، އެތަނަށް ވަދެގަތް ހުރިހާ މީހުންނަށް ބޮޑެތި ނިޔާތައް ކަނޑައަޅާލުމަކުން، އެކަން އެނިންމާލެވުނީ އެންމެ ފުރިހަމަ އިންސާފުން ތޯއެވެ؟ ސާފު ޖަވާބަކީ، ނޫނެކެވެ! ހަމަކަށަވަރުން ވެސް ނޫނެކެވެ!


ފަހެ، އޭރުން އެނިންމާލެވުނީ ރަނގަޅަކަށް ނޫނެވެ. އެއީ ފަހުން އަންނަންތިބި ދިވެހި ޖީލުތަކަށް ވެވޭ ބޭއިންސާފެއްކަން ކަށަވަރެވެ. ޚިޔާނަތެކެވެ. ރައްޔިތުންނަށް އޮޅުވާލާ މަކަރުވެރި އޮޅުވާލުމެކެވެ. އަދި އެއީ އިންސާފުވެރި އަދުލުވެރި ގޮތެއް ވެސް ނޫނެވެ. ފަހެ، އިންސާފުވެރި ގޮތަކީ، އެއާ އެކު އެތަން ހިންގާ ބެލެހެއްޓުމާ، ހަވާލުކުރެވިފައި ތިބި ޒިންމާދާރު މީހުންނާ ވެސް ސުވާލުކުރެވި  ޝަރީޢަތަށް ޙާޟިރުކޮށް، އެއީ، ކިހިނެތް ހިނގިކަމެއްތޯ އާއި ކާކުގެ ފަރުވާ ކުޑަކަމުން ހިނގި ކަމެއްތޯ ބެލުމެވެ.


އަދި އެކަން ހިނގުމުގެ ކުރިން އެއީ ހިނގާފާނެ ކަމެއްކަމުގެ ޢިޝާރާތެއް ފެވައި ވަނިކޮށް، ހަމަ ފަރުވާކުޑަކަމުން ހިނގި ކަމެއްތޯ ބެލުމެވެ. ހުރިހާ ދިމާއަކުން  އެހާގިނަ ސުވާލުކޮށް، އެސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ކުރުވުމެވެ. އާދެ، މަސްއޫލިއްޔަތު އުފުލުމަކީ އެއީއެވެ. އެފަދަ އުދުވާނީ ހާދިސާތައް މިފެންވަރަށް ތަހުގީގު ކުރެވެން ޖެހޭނެއެވެ. ގައުމުގެ ސިޔާދަތު ދެމެހެއްޓުމަކީ އެއީއެވެ.


ފަހެ، ދަންނާށެވެ! ކަމަކާ ޙަވާލުވުމުން ހަމަ ކޮންމެ މީހަކީވެސް މަސްއޫލު ވެރިއެކެވެ. ޒިންމާދާރު މީހެކެވެ. އެކަމުގެ މަސްއޫލިއްޔަތު އޭނާ އުފުލަން ޖެހޭނެއެވެ. އިހުމާލުން ކަމެއް ކޮށްފިނަމަ، ކޮނޑުގައި އަޅަން ޖެހޭނެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ވަރަށް ދިގު ހަދީޘެއްގެ މާނާގައި ވެއެވެ.


"ތިޔަބައި މީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެހެއްޓުން ތެރިއެކެވެ. އަދީ އޭނާގެ ރައްޔިތުންގެ މައްޗަށް މަސްއޫލުވާންޖެހޭ މީހެކެވެ...... ހަދީޘް ނިމެންދެނެވެ." މިހަދީޘް ރިވާ ކުރައްވާފައިވަނީ ބުޚާރީ އާއި މުސްލިމް އެވެ.


ފަހެ، ދަންނައެވެ! މިހަދީޘުން އެނގުނީ މަސްއޫލިއްޔަތު އުފުލުމަކީ ފުރިހަމައަށް ޒިންމާ ނެގުން ކަމެވެ. ޒިންމާ ނުއުފުލޭވަރުގެ ކަމެއްގައި މަސްއޫލިއްޔަތު އަދާއެއް ނުކުރެވޭނެއެވެ. އަދި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ވަރުގެކަމެއް ގައި މަސްއޫލުވެގެން ނުވާނެއެވެ. ޒިންމާ އުފުލައިގެން ނުވާނެއެވެ. ﷲ ގަންދީ ހުވާކޮށްގެން ނުވާނެއެވެ.


އަމިއްލައަށް ޚަރާބާއި ފާފައަށް ހުޅަހެޅިގެން ނުވާނެއެވެ. ނަފުސު ހަލާކުކޮށްގެން ނުވާނެއެވެ. އަމިއްލަ ވިސްނުމާއި ފެންވަރު ޚުދު ވަޒަން ކުރުމަކީ އިސްލާމީ ޝަރީޢަތް ތަންދޭކަމެކެވެ. އަދި ބުއްދިވެރި އެންމެ އައުލާކަންބޮޑު ގޮތަކީ، އުފުލަން ދަތި ނުވަތަ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއް ކޮނޑުގައި ނޭޅުމެވެ. ވީހާއަވަހަށް އެފަދަ ޒިންމާއިން ދުރަށް ޖެހުމެވެ. ﷲ ގަންދެއްވައި ކުޅަހުވަޔާ ޚިލާފުވެ، ދޮގުހުވާ މަތީގައި ފާފަވެރިވާން ދެމިހުރެގެން ނުވާނެއެވެ.


އަދިވެސް ނޮވެމްބަރު، 3 ގެ ވަރުގަދަ އުދުވާނީ ހަމަލާގެ ތެރެއިން، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް މުޅި ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާ މުހިންމު ކަންތައްތައް ބައިވަރު ފޮރުވިފައި އެބަހުއްޓެވެ. މިއީ، އޭރުގެ ވެރިކަމުގެ ފަރާތުން ގަސްދުގައި ފޮރުވާފައި ހުރިކަންތައް ތަކެވެ.


ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ހޮސްޓެޖުންގެ ގޮތުގައި ނަގައިގެން ގެންގޮސްފައި ވަނިކޮށް އެބައި މީހުންގެ ހަށިތަކާ ދިމާއަށް ހަނގުރާމަމަތީ މަނަވަރެއްގެ ބޮޑުބަޑިތައް އަމާޒުވާންވީ، ކީއްވެ ކާކުގެ އަމުރަކަށް ތޯއެވެ؟ މަނަވަރުގެ ބޮޑެތި ބަޑިތަކުގެ ހައިންޗީގެ ފަލަ ވަޒަނުން ފުރާނަ ނެތިދިޔަ ދިވެހިންނާއި، އޭގެ ވަޒަންތަކުން އަނިޔާލިބުނު ދިވެހިން ބައިވަރު އެބަތިއްބެވެ. މިހާރުވެސް ދުނިޔޭގައި އެތިއްބެވީއެވެ.


ބޯޓުފައްތާލުމަށް ބޮޑެތި ހަމަލާތައްދިީ ރަހީނުކުރެވުނު ދިވެހިން އެބޯޓުގައި ވުޖޫދުވަނިކޮށް ފައްތާލީ، ބައިނަލް އަގުވާމީ ކަނޑުގެ ކޮން ސަރަހައްދެއްގެ ކޮން ޕޮއިންޓެއްގައި ވަނިކޮށްކަން ހާމަކުރަން ޖެހޭނެ އެވެ. އެއީ ސިއްރު ކުރެވިގެންވާނެ ކަމެއްނޫނެވެ.

ނެގޯޝިއޭޓް ކުރުވުމަށް އިސްކުރެވުނު ވަޒީރު، އަހްމަދު މުޖުތަބާގެ ވާހަކަތަކަށް ނަޒަރުކޮށް ބަލާލުމެއް ނެތި މަނަވަރު ކައިރިކުރަން ފެށުމުން ދިވެހިން މާރާލެވުނެވެ. ހަގީގަތުގައި އެންމެ ދިވެހި ފުރާނައެއް ވެސް ދުއްވާނުލާއި ހުރިހާ ދިވެހިން އެކުގައި ސަލާތްކުރެވޭނެ މޮޅެތި ގޮތަތައް ހުއްޓެވެ. އެގޮތްތައް ރާވަން ޖެހޭނެއެވެ. އިންޑިއާސިފައިން އެކަން ނުކުރީ ކީއްވެތޯއެވެ؟


އެންމެދިވެހި ފުރާނައަކީ ވެސް ދުއްވާލިޔަ ދީގެންވާނެ އެއްޗެއް ނޫނެވެ. ފުރާނަ އަކީ އެންމެ މުގައްދަސް އެއްޗެވެ. ފުރާނައިގެ އަގު ކޮބައިތޯއެވެ؟ ހޮސްޓެޖުން ހިކިފަސް އައްސޭރިއަކަށް ނުގެންދެވުނީ ކީއްވެތޯއެވެ؟ ފަހެ، އިންޑިއާ އިން ބޭނުންވާ ގޮތް ނުވާނެތީ ތޯއެވެ؟ އިންޑިއާގެ ފޮރުވިފައިވާ ސިޔާސީ ބޭނުން ފުރިހަމަ ކުރަން ތޯއެވެ؟ ސްރީލަންކާ ސިފައިންނައި ގުޅުމެއް ނުހިންގީ ކީއްވެތޯއެވެ؟ ދިވެހިންނަށް، ޓެރަރިސްޓުންނަށް ވުރެ ދިވެހިންގެ އަގު މަތިވެފައި ބޮޑުވާނެއެވެ. ޝަރަފުވެރިއެވެ! އެކަން ދަންނަން އޮތީ ދިވެހި ސަރުކާރެވެ! އާދެ، ދެފަރާތުން ދެކެވެމުން ދިޔަ ސުލްހައިގެ ވާހަކަތައް ރައްޔިތުންނަށް ސާފުވާން ޖެހޭނެއެވެ. އެއީ ސިއްރު ކުރެވިގެން ވާނެ ކަންކަމެއް ނޫނެވެ.


ފަހެ، ދަންނައެވެ! މިކަން ހިންގާފައިވަނީ، ބައިނަލްއަގްވާމީ ހަމަތަކާ މުއާހަދާތަކައި މުޅިން ޚިލާފަށެވެ. ދެފަރާތުން ވާހަކަދަންކަމުން ދާހާ ހިނދަކު ފުރާނައަކަށް ގެއްލުންވާގޮތަށް އިސްވެ ހަމަލާދީގެން ނުވާނެއެވެ. އެއީ އިންޑިޔާ ސިފައިންހެދި ބޮޑު ގޯހެކެވެ. ކުރި ކުށެކެވެ. ރަސްމީކޮށް ސުވާލު ކުރެވިއްޖެ ނަމަ އެމީހުން ބުނާނީ، މަނަވަރުގައި ތިބި ދިވެހިސިފައިން، ރައީސް މައުމޫނައި ވާހަކަދައްކާއި ހުއްދަ ލިބިގެންކުރި ކަމެއްކަމަށެވެ. އެޒިންމާ ކަނޑާލާނީ ރާއްޖޭގެ ބޮލަށެވެ!!


އާދެ ގޯދާވަރީ މަނަވަރުން ދިންވަރުގަދަ ހަމަލާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ. އެމީހުންގެ ވާރިސުންނަށް ފުރިހަމަ މައުލޫމާތު ލިބިފައި ނުވާ މީހުން، މަރުވި މީހުންގެ ތެރޭގައި ގަތުލުވެ ގޮސް ފައިވެއެވެ.


ބައިނަލްއަގްވާމީ ކަނޑުގައި ވަނިކޮށް އެބައި މީހުންނަށް މިފަދަ އަނިޔާ ލިބެން މިޖެހުނީ، ގައުމުގެ ނުވަތަ ސަރުކާރުގެ ދިފާޢުގައިކަން، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގެން ވާނެއެވެ. ސިއްރު ކުރެވިގެން ނުވާނެއެވެ.

މިޙަމަލާ ދިނުމުގައި ބައިވެރިވި އެއް މަނަވަރު ކަމުގައިވާ އައި.އެން.އެސް ގޯދާވަރީ މާލޭގެ ބަނދަރުގައި އޮތް ދުވަސްވަރު، އެމީހުންގެ ހެލިކޮޕްޓަރުތަކާއި، ޖެޓްތަކުގެ އިންޖިނޭރަކައި، އަޅުގަނޑާ ބައްދަލުވިއެވެ.


އެއީ އޭރު އަޅުގަނޑު މަސައްކަތް ކުރާ ތަނުގެ ގޮތުން އެތަނުގައި ބައްދަލުވެ ވާހަކަ ދައްކާލުމަށް ލިބުނު ފުރުޞަތެކެވެ. ދެކެވުނު ވާހަކައިގެ ތެރޭގައި އޭނާ މަންޒަރު ދުށް ގޮތް އަޅުގަނޑަށް ކިޔައި ދިނުމަށް ފަހު ބުނީ، ކަނޑުމަތިން ޕްރޮގްރެސް ލައިޓަށް، ހޮސްޖެޓުންގެ ގަޔަށް ބަޑިޖެހީ ދިވެހި ސިފައިންނެވެ. ދުރުމީގައި ބަލަން ތިބެގެން އެމީހުންގެ އޯޑަރަށެނެވެ.


އޭނާ ބުނި ގޮތުން ނަމަ، އެއީ އެވަގުތު މަނަވަރުގައި ތިބި ދިވެހި ސިފައިން އެކަން އެގޮތަށް ކުރަން ބޭނުންވެގެން އެކަން ކުރިގޮތެވެ. ބަޑިޖެހުމަށް ދިވެހިސިފައިން އަމުރު ނެރުނީއެވެ. މިވަހަކަ އަޅުގަނޑަށްވީ ވަރަށް ހެއްވާ ވާހަކައެއް ކަމަށެވެ. ހަގީގަތުގައި ދެވެހި ސިފައިން އަތުން މިހުއްދަ މިހޯދީ ސިޔާސީ ބޭނުމަކަށެވެ. ދުވަހެއްގެކޮޅުން ވެސް ފަހުން އަތުވެދާނެ ސިވާލަކުން އިންޑިއާ ސިފައިން ސަލާމަތް ވުމަށެވެ.


އާދެ! މިއީވެސް ވީއެއް ނުވީއެއް ރައްޔިތުންނަށް އޮޅުން ނުފިލާ، ވަންހަނާކޮށް ހިނގާފައިވާ މުބުހަމް ކޮށް އޮތް ކަމެކެވެ. ރަސްމީކޮށް ސާފުވެފައި އޮންނަން ޖެހޭ މުހިންމު ނުކުތާއެކެވެ. ދިވެހިސިފައިންގެ އޮފިސަރުންތަކެއް އެމަނަވަރަށް ހެލިކޮޕުޓަރެއްގައި މަނަވަރަށް ގެންދިއައީ ކީއްކުރަންތޯއެވެ؟ ކޮން ބޭނުމެއްގައި ތޯއެވެ؟ މަނަވަރު އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެތޯއެވެ؟


މިކަން ހިނގިގޮތާއި، ހިނގި ހިސާބެއް ވަނީ ސިއްރުކޮށް ނޭނގޭ ހާލަތުގައި ވަންހަނާކޮށް ފައެވެ. އާދެ، ބައިނަލްއަގްވާމީ ކަނޑުގައި ހޮސްޓެޖުންނާ ދެކޮޅަށް ހިންގުނު ހަމަލާއަށް، ރަސްމީ އޯޑަރު ނެރުނު ފަރާތެއް އޮޅުންފިލާފައި އޮތުން ވަރަށް މުހިންމެވެ. ބޭނުންތެރިއެވެ. ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށެވެ. ވާރިސުންނަށެވެ.


އަލުންބަލުން ރައްޔިތުންގެ މަޖިލީހުން މިހާދިސާ ދިރާސާކޮށް ބަލަންޖެހެނީ މިފަދަ ކަންތަކާ ހުރެއެވެ. އެހެނަސް އެނގޭވަރަކީ ހޮސްޓެޖުންގެ ތެރެއިން ބަޔަކު މަރުވެ، ބަޔަކަށް ހަނގުރާމަތީގައި ބޮޑެތި އަނިޔާތަކާއި ޒަޚަމްތައް ވެފައިވާކަމެވެ. ދެކެވުނީ ސުލްހައިގެ ވާހަކަތަކެއް ނޫންކަމެވެ. ކުރީ ހަނގުރާމައެވެ.


ދަންނައެވެ! އެނގި ވަޑައިގަންނަ ވާނެ ފަދައިން ރަހީނުން، ނުވަތަ ހޮސްޓެޖުންނަކީ މަރުގެ ތުންފަތްމަތީގައި ތިބޭ އެހެނަސް ކުށެއްނެތް ވަރަށް މައުސޫމު ބައެކެވެ. ފަހެ، ކުށެއްނެތް ބަޔަކަށް، އަދަބެއް، އަނިޔާއެއް ލިބި އެއިން މީހަކު، މަރުވެދާނެ ނުވަތަ މަރާލެވޭނެ ފަދަ ގޮތަކަށް ބަލައިގެން، އެއްވެސް ކަމެއް ނުހިންގައި ވީހާ ސަލާމަތްކަން ބޮޑު ރައްކަތެރި ގޮތަކަށް ޢަމަލު ކުރުމަކީ، ވަރަށް ނާޒުކު ފައްތަރެއްގައި އޮންނަ ގައުމީ، ވަރަށް ހައްސާސީ މައްސަލައެކެވެ. ސަބަބަކީ، މައުސޫމު ފުރާނަ ގެއްލިދާތީއެވެ.


ފަހެ، އެގޮތުން އެންމެ ހިތި ތަޖުރިބާއެއް ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ބާރު ކަމުގައިވާ އެމެރިކާއެވެ. އެމެރިކާގެ ބަޔަކު ރަހީނުންގެ ގޮތުގައި އީރާނުގައި، ހިފެހެއްޓިފައި ވަނިކޮށް އެމީހުން ސަލާމަތް ކުރަން އެމެރިކަގައި އޭރު އޮތް ސަރުކާރުން އެޅި ފިޔަވަޅު ފުރޮޅިގެން ދިޔައީ އެސަރުކާރުގެ ނިމުން ކަމުގައި ވެގެންނެވެ. މިފެންވަރަށް ކަންކަން ދިރާސާ ކުރުމަކީ ގައުމުގެ ގައުމިއްޔަތު ބިނާކޮށް ދެމެހެއްޓުމެވެ. މިނިވަންކަން ދެމެހެއްޓުމެވެ. ސިިޔާދަތު ދެމެހެއްޓުމެވެ.


އީރާނުގައި ރަހީނުކުރެވުނު އެމެރިކާހޮސްޓެޖުން މިނިވަންކުރަން އެމެރިކާއިން ކުރިމަސައްކަތް ފެއިލްވުން
އީރާނުގައި ރަހީނުކުރެވުނު އެމެރިކާހޮސްޓެޖުން މިނިވަންކުރަން އެމެރިކާއިން ކުރިމަސައްކަތް ފެއިލްވުން

ދަންނާށެވެ! އެހެންވުމާއެކު މިވަރުގަދަ ހާދިސާއަކީ ރައްޔިތުންގެ މަޖިލީހުން އިތުރަށް ތަހުގީގުކޮށް ގައުމީ ފެންވަރެއްގައި އަލުން ބަލަން ޖެހޭނެ ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ މަޖުބޫރު ކަމެކެވެ. އިހުމާލުވި މީހުންނާއި ޒިންމާނުނެގި މީހުންނައި މެދު އިންސާފު ކުރެވެން ޖެހޭނެއެވެ. ދެންއަންނަ ވެރިކަމަކުން (ނަމަވެސް) މިތަހުގީގުތައް ކުރަން ޖެހޭނެއެވެ. ހަމަ ގައިމުވެސް އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު، މުޅި އުމުރުގައި މިއަޑު އުފުލާނަމެވެ. އިންޑިޔާގެ ސިޔާސީ މިރޭވުންގަނޑުގެ އެންމެއަޑި ދިވެހިން ހޯދަން ޖެހޭނެއެވެ. އެކަމާ ވަރަށް ކެރިގެން އުޅޭނަމެވެ.


ދާދިފަހުން، 1990މ. ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ނެރުއްވި ނޫސްބަޔަނެއްގައި " 1988 ނޮވެމްބަރު 3 ގައި، ރާއްޖެއަށް ބޭރުގެ ޓެރަރިސްޓުން ގެނައި ބާޣީންނާ، އެކި ގޮތް ގޮތުން ގުޅުން ހުރި މީހުންނެވެ. " މިގޮތަށް ލިޔުއްވާފައި ވެއެވެ. މީން ދޭހަވާ ގޮތުގައި، 3 ނޮވެމްބަރ 1988 ގެ ވަރުގަދަ އުދުވާނީ ހަމަލާއާ، އެކި ގޮތްގޮތުން ގުޅުން ހުރި މީހުން އަޅުގަނޑުމެންގެ ތެރޭގައި އަދި ވެސް އެބަތިބިކަމެވެ. އެބައުޅޭކަމެވެ.


މިތަނުގައި ހާމަވެގެން މިދަނީ، ހަމައެކަނި ޢާއިލީ ގޮތުން ގުޅޭ ގުޅުން ނޫންކަމަށް ލިބޭ ޤަރީނާއަކީ، ދައުލަތުގެ އަމަން އަމަނާއި، ތަހުގީގުތައް ހިންގަވާ މިނިސްޓަރީއަކުން، ނަސަބާއި ލެއާއި ހުރި ގުޅުމަށް ބައްލަވައިގެން އެފަދަ ބަޔާނެއްގައި ޢިޝާރާތް ނުކުރައް ވާނެތީއެވެ. އަދި އެއާއެކު ހަސަބާއިނަސަބާ ހުންނަ ގުޅުމަކީ، އެކަކު ކުށެއް ކުރުމުން އޭގެ އަދަބު އޭނާ އާއި ގުޅުންހުރި އަނެއް މީހާއަށް ނުދެވޭނެތީއެވެ. އެއަށް ވުރެ ފުޅާކޮށް ނަމަ ދިވެހިންނަކީ އެއް ނަސްލެއްގެ އެއް އަގީދާއެއްގެ އެއް ސިފައެއްގެ، އެއް ދީނެއްގެ އެއް ބަޔަކަށް ވާތީއެވެ. ފަހެ، އެމީހެއްކުރި ކުށް އޮންނާނީ އެމީކަހަކަށެވެ. އެމީހާގެ މުޅިދަރިފަސްކޮޅަކަށް ނޫނެވެ.


ފަހެ، ދަންނާށެވެ! މިގޮތުން އެއަނިޔާވެރި ވަރުގަދަ ހަމަލާގައި ބައިވެރިވެފައި ވަނީ ކިތައް މީހުންތޯއާއި، އެމީހުންގެ ހިއްސާ އެކަމުގައި ވަނީ ކިހާ ބޮޑު ކުޑަމިނެއްގައިތޯ އާއި ހައްޔަރު ކުރަންވީ މީހުންނާއި، ހައްޔަރު ނުވާންވީ މީހުންނަކީ ކޮބައިތޯ އާއި އެއީ ކީއްވެގެންތޯ އާއި މިހުރިހާ މައުލޫމާތު ތަކަކީ، ރައްޔިތުންގެ މަޖިލީހަށް ގެންގޮސް ބަހުސްކުރެވި، އަދި ފުރިހަމަ ތަހުގީގު ކުރެވި ޝަރީޢަތަށް ގެންދަން ޖެހޭނެ ކަންކަމެވެ. ފުރިހަމަ ރަސްމީރިޕޯޓެއް އޮންނަން ޖެހޭނެ ކަމެކެވެ. ރާއްޖޭގެ އޭރުގެ ޚާރިޖިއްޔާއިން މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެއެވެ.


އާދެ، އިންޑިޔާ ސިފައިން މިކަމުގައި ހަރަކާތްތެރި ވިލެއް އަވަސްކަމީ، ގިނަގުނަ ޝައްކުތަކެއް ހުރިކަމެއް ކަމަށް ފާކިސްތާނުގެ ޖާސޫސީ އިދާރާތަކުން ވަނީ، ސާބިތުކަމާ އެކު ހާމަކޮށްފައެވެ. ދިވެހި މުއައްރިޚު ޝަފީގުގޭ ޝަފީގް ވިދާޅުވާ ގޮތުގައި މި ޢުދުވާނުގެ ހަރަކާތްތައް ތަހުގީގު ކުރުމަށް ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުގެ އެއް މެމްބަރެއް ކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ކޯފާ ވެގެން ގެއަށް ވަޑައިގަންނަވަން ޖެހުނީ، އެރިޕޯޓުން މިބުނެވޭ މުހިންމު ނަންތައް އުނިކުރުމަށް ހަމަޖެހުމުންނެވެ. އެނަންތަކުގެ ތެރޭގައި މަޝްހޫރު ނަމަކަށް "އައި އެޗު ޒަކީ" އޭ ކިޔުނު މަޝްހޫރު ނަމެއް ވެއެވެ.


އާދެ! މިވަރުގަދަ ހަމަލާއާގުޅޭ އެއްވެސް ސިއްރެއް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ނޭނގޭ ގޮތަށް އޮތުމަކީ، ރައްޔިތުން ރުހޭނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެމެވެ. އަދި އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އަދި އެއްވެސް ދިވެއްސަކު ވެސް، މިކަން ގަބޫލެއް ނުކުރާނެއެވެ. ކޮންމެ ނަސްރުގެ ދުވަހަކު މިއަޑުތައް އުފުލާށެވެ!!


އޭ! ﷲ އެވެ! ރައްޔިތުންގެ މައްޗަށް ވެރިވެގެންދިޔަ ބިރުވެރި، މިހަމަލާގެ ބިއްދަށުގައި ފޮރުވިފައި ހުރި ސިއްރުތައް އަޅުގަނޑުމެން ދިވެހީންނަށް ވީހާއަވަހަށް ހާމަކޮށް ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page