ޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލެވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (4 ވަނަ ބައި)
*ޖަލުގައި 40 ވަނަ ދުވަސް:
*ސިފައިންގެ ކުއްލި ރެއިޑެއް ގޮޅިތަކަށް ޖެހުން:
*ހިޔުމަންރައިޓްސް ކޮމިޝަން މެމްބަރުންގެ ބައްދަލުކުރުން:
*ކުޑަގޮޅީގައި ހުރެ އެމެރިކާ ސަފީރައި ބައްދަލު ކުރުން:
*ގިނަބަޔަކު މާލެ ގެންދިއުން:
*ޟުޙާނަމާދު ގަވައިދުން ކުރަން ފެށުން:
*އެމްނެސްޓީ ޓީމައި ޖަލުގައި ބައްދަލުވުން:
*ގާނޫނުއަސާސީއައި ޚިލާފަށް ވޯޓުލައިގެން ބޮޑުމަޖިލީހުގެ ރައީސަށް އައްބާސް ހޮވުން:
*ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުހެދުން:
ޖަލުގައި 40 ވަނަ ދުވަސް:
21 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. ޖަލުތެރެއިން މަޢުލޫމާތު ލިބުނުގޮތުގައި މ.މާނެލް މޮހޮޖާއި މޮހޮޖުގެ ކޮއްކޮ ޙުސައިން އާއި އެލީނާ އަޙްމަދު ޢައްބާސް، ދޮންބި އާއި އެހެންބައެއް ގައިދީންގެ ބަޔާންތައް ވަނީ ނަގާ ނިމިފައެވެ. އަސްލު، 4 ކޮޕީގައި ވަނީ ސޮއިކުރުވާ ނިންމާފައެވެ.
ސިފައިންގެ ކުއްލި ރެއިޑެއް ގޮޅިތަކަށް ޖެހުން:
މިއަދު މެންދުރެއްހާއިރު ކުއްލިއަކަށް ފެނުނީ ކޮންމެ ގޮޅިއެއްގެ ކުރިމަތީގައި ސިފައިންގެ ބޭކަލަކު އައިސް ހުއްޓުނުތަނެވެ. ގޮޅިތެރޭގައި ބަންދުގައި ހުންނަ މީހާގެ ހުރިހާ ހަރަކާތްތައް ބަލަމުން ގެންދިޔައެވެ. އެއަށްފަހު މާގިނައިރު ތަކެއް ނުކޮށް، ސިފައިންގެ ބޮޑުގުރޫޕެއް އައިސް ޖަލުތެރެއަށް ވަދެއްޖެއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ޝަމީމް އާއި ޝާމީ އާއި ޝާޠިޙް އާއި ޢަލީ އަޙްމަދު މެންކަހަލަ ބޭކަލުންނެވެ. އެއީ ތަޙްޤީޤުގައި އުޅުއްވާ ސިފައިންގެ ބޭކަލުންނެވެ.
މިގުރޫޕް ދެބަޔަކަށް ބެހިލާފައި ދެކޮޅުން ގޮޅިތަކަށް ވަންނަވަން ފެއްޓީއެވެ. ހުރިހާގޮޅި ތަކަށް ވެސް ވެންނެވިއެވެ. މިހާ ހިސާބުން މިފެށުނީ ވަރުގަދަ ރޭޑެއްކަން އަޅުގަނޑު މެންނަށް އޮޅުންފިލައި ފިއެވެ. ހުރިހާގޮޅިއެއް ފާސްކޮށްބަލާ ޗެކްކުރަނީއެވެ. ޑޮކްޓަރ ޙުސައިންގެ ގޮޅިން ފޮތަކާއި ޤަލަމެއް ފެނުނެވެ. މިއީ ޑޮކްޓަރ ޙުސައިން ވިދާޅުވާ ގޮތުގައި ލޭޑީ އިބްރާހީމް މަނިކު އޭނާއަށް ދެއްވި ތަކެއްޗެވެ. މިޤަލަމާއި ފޮތް ބޭނުންކޮށްގެން ޑޮކްޓަރ ޙުސައިން ލިޔެފައިހުރި ނޯޓުތަކެއް އެގޮޅިން އަތުލައިގެން ގެންދިޔައެވެ.
ޖެނީ އާއި ސަންދާން ނިސްރީން، ނިއްނި އައި މިދެމީހުން ތިބެނީ އެއްގޮޅިއަކަށް ލާފައެވެ. ޖެނީ އާއި ނިއްނި އާ ދެމީހުންވެގެން ލިޔެތައްޔާރު ކޮށްފައި އޮތް ކޮމިކެއް އަތުލައިގެން ގެންދިޔައެވެ. އަދި ގޮޅިން ބޭރުގައި އެކަރުދާސްތައް ފޮޓޯނަގާ ހެދިތަން ފެނުނެވެ. ޖެނީމެންނަށް ޤަލަން ލިބުނުގޮތެއް ނޭނގެއެވެ. ހީވަނީ ލޭޑީ ދީގެން އުޅެނީ ހެންނެވެ.
ޖެނީމެން ވަރަށް ގިނައިން ބޭރަށް ނެރޭތަން ފެނިގެން އަހާލީމާ ލޭޑީ ވިދާޅުވަނީ، އެބޭފުޅުން ވައިޖައްސާލާއި ސިގިރޭޓް ބޯލަން ނެރެދެނީ ކަމަށެވެ. ދެ އަންހެންކުދިން ވީމާ ޚާއްސަގޮތެއް ބަހައްޓަނީއެވެ. އެމީހުންތިބެނީ ފެންނަ ހިސާބުގައި ޖަލުއޮފީސް ކުރިމަތީގައި ކަމަށް ލޭޑީ ބުނެދިނެވެ. ފުރަހަނި ޝަޢައިބު ގޮޅިން ޤަލަމަކާއި އޭނާ ގެއަށް ލިޔަންފަށާފައިވާ ސިޓީއެއް ފެނުނެވެ. ޝުޢައިބު ހުންނަވާ ގޮޅި ހުންނަނީ އަޅުގަނޑުގެ ގޮޅިއާ ޖެހިގެންނެވެ. ލޭޑީ މެން ޖަލުތެރެއަށް ޤަލަމާއި ކަރުދާސްދެނީ ޖާސޫސު ކުރުމުގެ ބޭނުމުގައެވެ. ރަނގަޅަށް ވިއްޔާމިރޭޑް ކުރުން އޮންނާނީ ކުރިންރާވާފައެވެ.
އެހެންނޫނަސް މިބުރުގައި ލޭޑީ އިބްރާހީމް މަނިކު އުޅުއްވީ އަޅުގަނޑުމެންނާ ވަރަށްގާތްކޮށެވެ. އަޅުގަނޑު މެންނަށް ހަމްދަރުދީ ވެއެވެ. އަދި ކުޑަސައްޕެގެ ބްލޮގު (ސައިޓު) ކަމުގައިވާ " ޑޫ " ގައި ޝާއިޢު ކުރުމަށް، އިނގިރޭސި ވިލާތަށް ބައެއްސިއްރު ޚަބަރުތައް ފޮނުވައިދޭ ކަމުގެ ޝައްކު ލޭޑީގެ މައްޗަށް ކުރެވުނެވެ.
އަޅުގަނޑު ހުރި ގޮޅިއަށް ވަނީ، ޝަމީމު އިސްކޮށް ހުންނެވި ޓީމެވެ. އަޅުގަނޑު އަނދެގެންހުރި މުންޑު މޮހެލައިގެން އެތެރެއާއެކު ރަނގަޅަށް ބެއްޔެވެ. މީނާއަކީ އޮރިޔާން ބަލާހިތުން އުޅޭ ބޭކަލެކެވެ. އޮރިޔާމައި ދިމާއަށް ދެކަޅިހުއްޓިއެވެ. އޮރިޔާންބަލާ މީހެއްކަން ފާހަގަވީ މީނާގެ މި އަމަލުންނެވެ. ފާޚާނާ ތެރެއާއި ހުރިހާތަނެއް ޗެކުކުރިއެވެ. އަންނައޫނާއި ގެންގުޅޭ ދަބަހާއި ބާލީހާއި ގޮދަޑި ރަނަގަޅަށް ބެއްޔެވެ. އެހެނަސް އަޅުގަނޑު އަތުން އެއްވެސް އެއްޗެއް ނުފެނެއެވެ.
އަޅުގަނޑު ޗެކުކުރިލެއް ބޮޑުކަމުން ވަރަށް ރުޅިއައެވެ. އެހެނަސް އެމީހުންނާ ދެބަސްވާކަށް ނުހަދަމެވެ. ކުރަން ބޭނުންކަމެއް ކުރުމަށްހުރީ ރީތިކޮށް ދައްކައި ގެންނެވެ. ހަށިގަނޑުގެ ވެސް ބަލާހެދިއެވެ. މިބޭކަލުން ޝައްކު ކޮށްގެން އުޅުނީ، އަޅުގަނޑު މެންނަށް މާލޭގައި ހިނގާކަންތައް ދުވަހުންދުވަހަށް ރީތިކޮށް އެނގޭތީ، މޯބައިލް ފޯންފަދަ ތަކެތިގޮޅި ތެރޭގައި ގެންގުޅެނީ ކަމަށެވެ. ބޭރުން ވަޑައިގެންނެވި ބޭފުޅުންނާ އަޅުގަނޑުމެންނާ ދެމެދު ހިނގި ބައްދަލުވުން ތަކުގައި އަޅުގަނޑު މެންނަށް މާލޭގައި ހިނގަމުންދާ ހުރިހާކަމެއް އެނގޭކަން ސިފައިނަށް ވަނީ ރީތިކޮށް އޮޅުންފިލާފައެވެ.
އަޅުގަނޑުމެން ދައްކާވާހަކަތައް އަޑުއަހަން އަބަދު ﷲ ރިޔާޒުމެން ތިއްބަވާތީ މިކަން އެނގެނީއެވެ. މާލޭގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތައް ވެސް އަޅުގަނޑު މެންނަށް އެނގިފައި އޮތުމުން މިފަދަ ޝައްކުތައް ކުރީއެވެ. އެހެނަސް މިރޭޑުން އެފަދަ އެއްވެސް އެއްޗެއް އަޅުގަނޑު މެންގެ އަތަކުން ނުފެނުނެވެ. ފެނުނީ މުޅިންވެސް ޤަލަމާއި ކަރުދާހެވެ. އެއީ ޖަލުއޮފީހުން ދީފައިހުރި ތަކެއްޗެވެ.
މިއަދަކީ ވަރަށް ވިއްސާރަ އަދި ވައިބާރު ދުވަހެކެވެ. ބައެއްފަހަރު ވައިރޯޅިތެރޭގައި ރުއްތައްހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ. އެހާވެސް ވައިގަދައެވެ. ބޮޑަށްވިދާއި ބާރަށްގުގުރި ވެސް ޖަހައެވެ. ރެއިޑްތެރޭގައި ސިފައިންނާއި ފުލުހުން އުޅުނީ ވިއްސާރަކޯޓާއި ކުޑަބޭނުން ކޮށްގެންނެވެ. އިރުއޮއްސުމުގެ ކުރިން ހުރިހާ ގޮޅިއެއް ޗެކްކޮށް ނިންމާލެއްވިއެވެ. އަދި ޖަލުތެރެއިން އެމީހުންތައް ނުކުތެވެ.
ހިޔުމަންރައިޓްސް ކޮމިޝަން މެމްބަރުންގެ ބައްދަލުކުރުން:
22 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ބޭފުޅުން ޖަލަށް ވަޑައިގެން ނެވިއެވެ. މިއީ އެބޭފުޅުންގެ ދެވަނަ ބުރެވެ. މިބައްދަލުވުން ބޭއްވީ ކުރީފަހަރައި ޚިލާފަށް ފަހަރަކު މީހަކުނެރެގެން އުނދޯލިގޭގައި ބައްދަލު ކުރަމުން ގެންދާ ގޮތަށެވެ.
ކުރީފަހަރު ގޮޅިތަކާ ހަމައަށް އެބޭފުޅުން ވަޑައިގެން ބައްދަލުކުރީއެވެ. ވަޑައިގެން ތިއްބެވީ އެ ކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާ އާއި އެކޮމިޝަނުގެ މެމްބަރުން ކަމުގައިވާ، މަޑުލު ވަޙީދާއި ޑޮކްޓަރ ފާޠިމަތު ޝަފުޤާ އާއި މުޢްތަޞިމު ޢަދްދާނެވެ. ސިފައިންނާއި ފުލުހުންގެ ތެރެއިން މިއަދު އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. އެހެންބޭފުލަކު ނެތެވެ.
ލޭޑީ އަރިހުގައި މިހާރަކަށް އައިސް އަޅުގަނޑު މެންނަށް މަނާކަމެއް ނޯވެއެވެ. ވަރަށް ލުއިތައް ދީފައި އޮވެއެވެ. ތަކުރާރުކޮށް ކޮންމެދުވަހަކު ދަށްކަންޖެހެނީ އެއްވާހަކަ އެކެވެ. މި ބައްދަލުވުމުގައި މިއަދު ވެސް ވަރަށްގިނަ ވާހަކަތައް އަޅުގަނޑު ދެއްކީމެވެ. އަޅުގަނޑު މެންނަށް ވަކިޚާއްސަކަމެއް ކަމެއް ކޮށް ނުދެވުނަސް ތިޔަބޭފުޅުން އަވަސް އަވަހަށް ޖަލަށް ވަޑައިގެން އަޅުގަނޑުމެންގެ ޙާލުއަޙުވާލު ބައްލަވާތީ ވަރަށް ހިތްހަމަ ޖެހެއެވެ.
މިތިއްބެވި ލޭޑީ މެން، އަޅުގަނޑުމެން ޖަލުގެގޮޅިން ނެރެނީ، ތިޔަގޮތަށް އަޅުގަނޑު މެންނާ ބައްދަލުވާން ބޭފުޅުން ވަޑައި ގަތުމުންނެވެ. އެހެންނުނީ ތިބެންޖެހެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަބަދުވެސް ޓޯޗާގައެވެ. އަނިޔާގައި ތަޅުލެވިފައެވެ. ޖައްވާއި މޫދު ފެންނަގޮތަށް މިއުނދޯލިގެއަށް ގެންނާތީ ހިތްހަމަ ޖެހެއެވެ. ހިނގާލާހެދެއެވެ. ވާހަކަދައްކާލާ ހެދެއެވެ. އެއީ ވެސް ކުޑަވަރެއްގެ ނިއުމަތެކެވެ.
ދަންނަވަން ތޯއެވެ. އަދިވެސް ކިޔާލާނެ މަޖައްލާއެއް ޤަލަމެއް ފޮތެއް ރޭޑިޔޯއެއް ނުލިބެއެވެ. ކުރީފަހަރު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާހިސާބެއް ގައިތޯ ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މުޖްތަބާ ވިދާޅުވިއެވެ. އަދި މިއަދު މިއައީ ކުރީގެ ބައްދަލުވުމަށް މަހެއްހަމަވުމުން މަހަކު އެއްފަހަރު ޖަލަށް ޒިޔާރަތް ކުރުމުގެ ގޮތުންނޭ ވިދާޅުވިއެވެ.
ދެން އޭގެޖަވާބުގައި ތިބޭފުޅުންނަށް މާބޮޑުކަމެއް ނުކޮށްދެންނެވޭނޭ ދެންނެވީމެވެ. އަދި މިޖަލުގައި އަޅުގަނޑަށް އަނިޔާކުރި މައްސަލަވެސް އަދި ސަރުކާރުގެ ވަޒީފާއިން ސަބަބެއްނެތި ކަނޑާލި ކަންތައްވެސް ރައީސް މައުމޫނުގެ ސަރުކާރު ދެމިއޮތްހާ ދުވަހަކު ތިޔަބޭފުޅުންނަށް ނުބެލޭނެއޭ ދެންނެވީމެވެ.
މައްސަލަތައް ނުބެއްލެވުނަސް ތިޔަބޭފުޅުންގެ ކޮމިޝަނުގެ ނަމުގައި އަޅުގަނޑުމެން މިދައްކާ ވާހަކަތައް ބޭރުދުނިޔެއާ ހަމައަށް ވާސިލުކޮށް ދެއްވަނިކޮށް އެކޮށްދެވެނީ ބޮޑުމަސައްކަތެއް ކަމުގައި ދެކޭނަމޭ ދެންނެވީމެވެ. ޙަޤީޤަތުގައި ތިޔަކޮމިޝަނުގެ މަޤުޞަދަކީ ވެސް އެއީއެވެ. އަދިވެސް މިބާވަތުގެ ބައިވަރު ވާހަކަތައް ދެންނެވީމެވެ. މުޖްތަބާ އަޑުއައްސަވަން އިންނެވިއެވެ.
އަޅުގަނޑު މިފަހަރު ޖަލަށްލާފައި މިހިރީ ފަސްވަނަ ބުރަށްކަމުގައި ދެންނެވީމެވެ. މާލެތެރޭގައި ސިޔާސީ ކަމެއް ހިނގާއިރަށް އަޅުގަނޑު ގެނެސް ހައްޔަރުކުރެއެވެ. މިސަރުކާރަށް ހީވެފައި އޮންނަނީ ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަންވެގެން އަޅުގަނޑު މަސައްކަތް ކުރަނީ ކަމަށެވެ.
ފުރަތަމަ ފަހަރު ޖަލަށްލާއި އަނިޔާކުރީ އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތާގުޅިގެން، ޖަލުގައި ބަންދުކުރެވުނު ސަޓޯ ދޫނިދޫގައި ގާނޫނީ ބަންދެއްގައި ހުންނަވަނިކޮށް އެންދެރިމާގޭ އިލްޔާސް ޑިފެންސްގެ އިސް ވެރިއަކަށް ހުންނަވައިގެން ސަޓޯއާ ކޯޑްލެސް ފޯނަކުން ދެއްކެވި ވާހަކަތައް އާންމުކޮށްގެން އެމައްސަލާގައެވެ.
ދެން އަޅުގަނޑު ޖަލަށްލީ މުޖުތަބާ އާއި މުޖުތަބާގެ ލޮބުވެތި އަނބިކަނބަލުންނާއި ބޯގަންވިލާ އިސްމާޢީލް ނަސީރާއި އެހެންބައެއް ދިވެހިންގެ ގަޔަށް އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރަކުން އެބޭފުޅުން މަޢުޞޫމް ހޮސްޓެޖުންގެ ގޮތުގައި ހައްޔަރުވެ ރަހީނުކުރެވިފައި ތިއްބެވި ޕްރޮގެސްލައިޓް، ބައިނަލް އަޤްވާމީ ކަނޑުގައި އިންދާ، ބަޑިޖަހާއި އެބޭފުޅުންގެ ފުރާނަ ނެތިގެން ދިއަޔަސް ހެޔޮކަމަށް އެބޯޓު ފައްތާލީ އިންޑިޔާ މަނަވަރު، ގޯދާވަރީގައި ދުރުމި އަޅައިގެން ބަލަންތިއްބެވި ދިވެހިސިފައިންގެ ހުއްދައާ އެކުއޭ ބުނެގެންނެވެ.
އަދި ގޯދާވަރީގައި، އާދަމްޒާހިރާއި ރާޝިދު އާއެކު އޭރު ހަތަރު ދިވެހި އޮފިސަރުންތިބި ކަމާއި މަނަވަރުގެ ބޮޑެތި ބަޑިތަކުން ތިޔަބޭފުޅުންގެ ހަށިކޮޅަށް ދިރޭވަޒަން ވަޒަން އަރާގޮތަށް ބޮޑެތިބަޑިޖެހީ، ދިވެހި ސިފައިން، އެއަމަލު ހިންގުމަށް ރަސްމީކޮށް ހުއްދަދީގެންނޭ ބުނެގެންނެވެ. މިބަޑިޖެހުމުގައި އެތައް ދިވެހިންނެއް މަރުވެ ފުރާނަ ނެތި ދިޔައެވެ. މިހަމަލާގައި މަރުވ ެދިޔަ ދިވެހިންގެ ފުރުހަމަ މައުލޫމާތެއް އަދި ވެސް ނުދެއްވައެވެ. އަދި މަނިކިފާނުގެ ލޯބިވާ އަނބިކަނބަލުންނަށް ބޮޑެތި އަނިޔާތައް ލިބުނީ ވަރުގަދަ އެ ހަމަލާތަކުންނެވެ.

އަދި ދިވެހި ސިފައިން ގޯދާވަރީ މަނަވަރަށް ގެންދަންޖެހުނީ، އެހުއްދަދިނީ ދިވެހިންކަމުގައި ރަސްމީކޮށް ރެކޯޑުތަކުގައި ލިޔެފައި ބާއްވަން ވެގެންނޭ ބުނެގެންނެވެ. ދުވަހެއްގެ ކޮޅުން ވެސް ތިޔަދެމަފިރިންނާއި އިސްމާޢީލް ނަސީރު، ނޫނީ އާއިލާއިން ބައިނަލް އަޤްވާމީ ކޯޓެއްގައި ދައުވާ ކޮށްފިއްޔާ އެދުވަހަކުން އެކަމުގެ ޒިންމާ ދިވެހި ސިފައިންގެ ބޮލުގައި އިންޑިޔާއިން އަޅުވާނެއެވެ. ދިވެހިސިފައިން މަނަވަރަށް ގެންދިޔައީ މިބޭނުމުގައެވެ.
އަދި ފަހުން އާދަމްޒާހިރު ދެއްވި ބަސްދީގަތުމުގައި ދެގައުމުގެ ސިފައިން ބައިވެރިވެގެން ދެވުނު ހަމަލާއެއް ކަމުގައި ވަނީ ވިދާޅުވެފައެވެ. ހަގީގަތުގައި ޒަޚަމްވީ މީހުންނާއި މަރުވެ ޝަހީދުވި އާއިލާތަކަށް ފުރިހަމަ ބަދަލު ދިވެހިދައުލަތުން ދޭންޖެހޭނެއެވެ. އަދި އެދައުވާ ކޮންމެވެސް ދުވަހަކުން ކުރާނެ ކުދިން އެއާއިލާތަކުން ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ދިވެހިންގެ ބަޔަކު، ޕްރޮގްރެސް ލައިޓްގައި މަރާލީ އެވަޒަންތަކުންނޭ އަޅުގަނޑު ބުނެލިޔެގެންނެވެ. ހައިޖެކްކުރި މީހުން މަރާވައްޓާލި ދިވެއްސަކީ ކިހިނެތް ހިނގިކަމެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މުޖްތަބާއަށެވެ. ހައިޖެކަރުންނާ ދެކެވުނު ވާހަކަތަކުގެ މެދުވެރިއަކަށްވެ ވަޑައިގަތީ މުޖްތަބާ ނޫންތޯއެވެ.
އެކަންވީގޮތާއި މުޖްތަބާ މެދުވެރިވެވަޑައިގެން ތަމަޅައިންނާއެކު ދެކެވެމުން ދިޔަ ސުލްހައިގެ ވާހަތަކުން، އަޅުގަނޑަށް ވުރެ މާރަނގަޅަށް މުޖްތަބާއަށް އެކަން ހިނގިގޮތް އެނގިސާފުވެލައްވާނެއެވެ. ރަހީނުކުރެވިފައި ތިބި ދިވެހިހޮސްޓެޖުންނަށް އަނިޔާކުރެވުނީ ކީއްވެތޯ، އަދި ހައްލެއް ނުރެވި މީހަކު މަރާލާ ހިސާބަށް ވާހަކަތައް ގެންދެވުނީ ކީއްވެތޯ، އެއީ އަޅުގަނޑު އަބަދުވެސް ދިރިހުރިހާ ދުވަހަކު އުފައްދާނެ ސުވާލެކެވެ. އަދި ކުރާނެ ސުވާލެކެވެ.
ރައްޔިތުންގެ މިލްކުމުދާގަނޑެއް ކަމުގައިވާ ބޮޑުއާގުބޯޓަކާއި މުދާތަކެއް މާސިންގާ ފުންކަނޑަށް އިންޑިޔާ ސިފައިން ފައްތާލީ ބައެއްގެ ފަރާތުން ހުއްދަހޯދާފައެވެ. އެއީ އިންޑިޔާ ސަރުކާރުން ޒިންމާވާގޮތަށް ކުރިއަމުރަކަށް ކުރިކަމެއް ނޫނެވެ. ގާނޫނީގޮތުން ދިވެހިން ޒިންމާ އުފުލާ ގޮތަށް ހިންގާފައިވާ އޮޕަރޭޝަނެކެވެ. ވީމާ މިއީ ފުންކޮށް އަޑިއެގެންޖެހޭ ޙާދިޘާއެކެވެ.
މަނިކުފާނުގެ އަނބިކަނބަލުން މިދައުވާ ނުކުރައްވާނެކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަދި އެކަމަނާގެ އާއިލާއިން މިދައުވާ ނުއުފުއްލަވާނެ ކަމެއް ވެސް ނޭނގެއެވެ. އަޅުގަނޑުގެ އެދުމަކީ އެކަމަނާ ނޫނީ އެއާއިލާއިން ބޭފުޅަކު އެކަން ކުރެއްވުމެވެ. މަރުވިމީހުންގެ އާޢިލާތަކަށް އެޙާދިޘާގެ ޙަޤީޤަތްތައް އަދިވެސް ތަފްސީލުކޮށް އޮޅުމެއް ނުފިލައެވެ. ސަރުކާރުން ބުނެއްނުދެއެވެ. ފޮރުވިފައި ހުރި ބައިވަރު ސިއްރުތައް އެބަހުއްޓެވެ. އަޅުގަނޑު އެމައްސަލަ އަލުން ބަލަންޖެހޭނެއޭ ބުނީމާ ގެނެސް ޖަލަށްލީއެވެ. އަނިޔާކުރީއެވެ. ޖަލުހުކުމެއް ވެސް އިއްވީއެވެ.
މިއަދު މިނިކުފާނު ތިޔަވަޑައި ގަންނަވަނީ ޖަލުގެ އަނިޔާތަށް ބައްލަވާށެވެ. އަޅުގަނޑުގެ ހާލުބަލާށެވެ. މިއަދު މަނިކުފާނުގެ އެދުވަސް ހިތުތެރެއަށް ނިކަން ގެންނަވާށެވެ! ގޯދާވަރީގެ ހައިންޗީގެ ބޮޑެތިވަޒަންތައް ވާރޭވެހޭހެން ބުރުއްސަމުން ގެންދިޔަ އަނިޔާވެރި މަންޒަރާއި އެވަޒަންތަކުގެ އަމާޒަކަށް ވެގެންދިޔަ އަނިޔާވެރި ހަނދާންތައް މިހާރު ހަނދުމަފުޅުގައި އެބަހުރިތޯ ދަންނަވާލަން ޖެހެއެވެ. އެދުވަހު ތިޔަބޭފުޅާގެ ޙައްޤުގައި މަޒްމޫނެއް ލިޔެގެން އަޑުއުފުލީތީ އަޅުގަނޑަށް އަނިޔާކުރީ ހަމަ މިޖަލުގައެވެ. މިގޮޅިތަކުގައި ބާއްވައިގެންއެވެ. އަޅުގަނޑުގެ އެމަޒްމޫނު ހޯއްދަވައިގެން މުޖްތަބާ ވިދާޅުވާށެވެ. އަދި އަނބިކަނބަލުން ލައްވާ އެދައުވާ އުފުއްލަވާށެވެ!
އަޅުގަނޑު ލިޔުނު އެއްޗެއްގެ ޚުލާޞާއަކީ، އެމައްސަލަ އިތުރަށް ތަޙްޤީޤުކޮށް ރައްޔިތުންނަށް އެންމެއަޑިއައި އެކު ފުންކޮށް އެނގޭގޮތަށް މިނިވަން ކޮމިޝަނަކުން ބަލަންޖެހޭނެ ވާހަކައެވެ. މިހާރު މިއޮތްގޮތަށް ތާރީޚުތެރެއަށް ވަދެ ވަޅުޖެހި ދިޔަދީގެން ނުވާނެ ވާހަކައެވެ. ޙާދިޘާ އެކެވެ. އަޅުގަނޑުގެ އެމަޒުމޫނު ތިޔަބޭފުޅާ ކޮންމެވެސް ދުވަހަކުން ކިޔުއްވަން ވާނެއެވެ. އަޅުގަނޑު ސަލާމަތްވީ ދުވަހަކުން، ﷲ އިރާދަ ކުރެއްވިއްޔާ ތިޔަބޭފުޅާއަށް އެމަޒްމޫނުގެ ކޮޕީއެއް އަރުވާނަމެވެ. އެމަޒުމޫނު އަޅުގަނޑުގެ ސައިޓްގައި ފެންނަން އޮންނާނެއެވެ. ކިޔާލައްވާށެވެ. އަނބިކަނބަލުންނަށް ތަރުޖަމާކޮށް ދެއްވާށެވެ.
އަޅުގަނޑަށް މިއަނިޔާތައް ލިބުނީ، ތިޔަބޭފުންގެ ފުރާނަނެތި ދިއަޔަސް ހެޔޮކަމަށް ތިޔަބޭފުޅުން ރަހީނުކުރެވިފައި ތިއްބެވި އާގުބޯޓު ފައްތާލިގޮތުގެ މިނިވަން ތަޙްޤީޤެއް ހަދަންޖެހޭނޭ ގޮވާލައި ލިޔެގެންނެވެ. މިސަރުކާރުގައި އަދުލްއިންސާފު ހުރި މިންވަރު މިދެންނެވުނީއެވެ. އެބުރުގައިވެސް، 45 ދުވަހު ޖަލުގެ ކުޑަގޮޅީގައި ހެސްކިޔާފައި އަޅުގަނޑަށް އަނިޔާކުރިއެވެ. އެކިފާޑުގެ ބިޑިންނާއި އަނދަގޮނޑިން އަނިޔާދެއްކިއެވެ. ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. އަދި ވެސް މި ތިބީ ސީދާއަނިޔާ ގައެވެ. މިވާހަކަތައް އައްސަވާފައި މުޖްތަބާއަށް ވަރަށްބޮޑަށް އަސަރުކުރިކަން އެބޭފުޅާގެ މޫނުމަތިން ފާޅުވިއެވެ.
ތަޙްޤީޤަށްނެރޭ ވަރަށްވުރެ ގިނައިން ތިޔަޒާތުގެ ޓީމުތަކާ އެބަ ބައްދަލު ކުރުވައެވެ. ޓީމަކަށްފަހު ޓީމެއް ޖަލަށް އެބައާދެއެވެ. ނަތީޖާ ރަނގަޅު ވެއްޖެނަމަ ކިތަންމެހާ ވެސް އުފަލެވެ. ހެޔޮހުއްޓެވެ. އެމެރިކާ އެމްބަސީގައި ދެވަނައަށް ހުންވާބޭފުޅާ ކަމުގައިވާ، މިސްޓަރ ޖޭމްސް މިތަނަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލު ކުރައްވައި ފިއެވެ. ތިޔަބޭފުޅުން ވެސް، އެބޭފުޅުން ހިންގަވާ މަގު ބައްލަވައިގެން، އަޅުގަނޑު މެންނަށް، ހެޔޮކަމެއް ކޮށްދެވޭތޯ ބައްލަވާށެވެ.
ދަންނަވަން ތޯއެވެ! މިއަދަށް ދަންނަވަންހުރި ހުރިހާވާކަތައް ނިމުނީއޭ ދެންނެވީމާ، ސަލާމްގަލާމްކޮށް މިއަދުގެ ބައްދަލުވުން ނިންމާލީ ވަރަށް އަސަރާ އެކުގައެވެ. މުޖްތަބާ ހުންނެވީ މުޅިން މަޑުމޯޅިވެ ފެންކަޅި ވެލައްވާފައެވެ. ދެން، ލޭޑީ އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން ލޭޑީ ހުންނެވީ ވަރަށް މަޖާވެފައެވެ. އަޅުގަނޑު ގޮވައިގެން އައިމަގުމަތީގައި ވަރަށް މަޖާކޮށް ވާހަކަ ދެއްކެވިއެވެ. އިލްޔާސް ބަރާބަރޭ ވިދާޅުވިއެވެ.
ސަރުކާރަށް އަޅުގަނޑު ދަސްނުވިޔަސް ލޭޑީއަށް މިހާރު އަޅުގަނޑު ދަސްވީކަމުގައި ދެކުނީމެވެ. އަޅުގަނޑަކީ މީހުންނާ ޒާތީގޮތުން ދިމާކޮށްގެން އުޅޭމީހެއް ނޫނެވެ. ޒާތީޙަސަދަ ގެންގުޅޭ މީހެއްނޫނެވެ. ހިތަށް އަންނައެއްޗެއް ފާޅުގައި އަބަދުވެސް ބުނަމުން ގެންދާ ވަރަށް ސާދާ އަދި އެހާމެ ސީދާ މީހެކެވެ. އަޅުގަނޑުގެ އެދުމަކީ ގައުމު އިސްލާޙު ވުމެވެ. އަދުލްއިންސާފު އޮތުމެވެ. މުޖްތަމައުގައި އިޖްތިމާއީއަދާލަތު ގައިމުވެފައި އޮތުމެވެ. އަބަދުވެސް ޙައްޤުބަސް ބުނުމެވެ. ހައްޤުގޮތް ދެމެހެއްޓުމެވެ.
23 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރަށް ދެއްކުމަށް ނެރުނެވެ. މިކަން ކުރެއްވީ މެޑިކުއަށް ހުންނަވާ ޝާޑުއެވެ. މިއަދު އިންނެވީ މުޅިންއާ ޑޮކްޓަރެކެވެ. އަލަށް ކިޔަވައިގެން ވަޑައިގެން ހުންނެވި، ޑޮކްޓަރ ޝަކީލެވެ. އަޅުގަނޑުގެ ލޭނަގައިގެން މާލެ ގެންގޮސް ތަޙްލީލުކޮށް ބަލާފައި ނަތީޖާ ލިބުނުއިރު ހުރީ، 198 ގައެވެ. ކުރިއަށްވުރެ ތަންކޮޅެއް މައްޗެވެ. އެހެނަސް ޑޮކްޓަރ ޝަކީލް ވިދާޅުވި ކަމަށް ޝާޑު ބުނުއްވީ އެންމެ ރަނގަޅު ކަމަށެވެ. ބޭސްކަމުން ގެންދާގޮތަށް ބޭސްކަމުން ގެންދިއުމަށެވެ. އިތުރަށް ދެހަތްފާގެ ބޭސް ގެނެސްދިނެވެ.
މިރޭ، 11:30 އެހާކަންހާއިރު ޖަލުން ފުރަތަމަޓީމު، މޮހޮޖާއި މޮހޮޖުގެ ކޮއްކޮ ޙުސައިން އާއި ދޮންބި، މާލެއަށް ގެންދިޔައެވެ. މިއީ އަޅުގަނޑަށް އެނގިގެން އަޅުގަނޑުމެންގެ ޓީމުން ފުރަތަމަ މާލެއަށް ގެންދިޔަ ގްރޫޕެވެ. 45 ދުވަސް ހަމަވާން ކައިރިވާތީ ތަޙްޤީޤު ނިންމާލަން ހިފީކަމުގައި ޤަބޫލު ކުރެވެއެވެ. މިރެއިން ފެށިގެން ވަރަށްބާރަށް ތަޙްޤީޤު ނުނިމި ތިބި މީހުންގެ ބަޔާންތައް ނިންމުމުގެ މަސައްކަތް ހިނގައިގެންފިއެވެ. އިރުއިރުކޮޅާ މީހުންނެރޭތަން ފެނެއެވެ.
24 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރޭގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އަދި ވިލާޝިޕިން ޓްރޭޑިން ކޮމްޕެނީގެ ޗެއާމަން ޤާސިމް އިބްރާހީމަށް ޞިއްޙީގޮތުން މައްސަލަތަކެއް ކުރިމަތިވެ ވަޑައިގަތުމުގެ ސަބަބުން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައި މިއަދު ފަރުވާ ދޭންފެށިއެވެ. ޤާސިމުގެ ޙާލުކޮޅު ވަރަށް ދެރަކަމުގެ ޚަބަރުތައް ލިބުނެވެ. އަދި މާލޭގައި ޤާސިމު ދޫކޮށްލުން އެދި ވަރަށްގިނަ ބަޔަކު ހޮސްޕިޓަލް ދޮށަށް އެއްވެ މުޒާހަރާކޮށް، ހަޅޭލަވަމުން ގެންދިޔަކަމަށް ވެއެވެ.
25 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. "އޯގަސްޓް 12 ވަނަދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ" އިތުރު، 6 މީހަކު ހައްޔަރުކޮށް، 15 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސްއޮފީހުން މިއަދު ހާމަކުރިއެވެ. އަދި މިހާހިސާބަށް ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 207 މީހުންނެވެ. އަދި ބަންދުގައި ތިބީ، 62 މީހުންކަމަށް ބުނެއެވެ.
26 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއަދަށް، 45 ދުވަސް ހަމަވިއިރު، ތަޙްޤީޤުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށް ގެންދާތަން ފެނެއެވެ. ޑޮކްޓަރ ޙުސައިން ވަރަށް ގިނައިން ނެރޭތަން ފެނެއެވެ.
4 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 53 ވަނަ ދުވަހެވެ. މިދިޔަ، 7 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އެހެނަސް ގައިދީންތައް އެކިފަހަރު މަތިން ބޭރަށްނެރެ ބަޔާންތައް ފުރިހަމަކޮށް ނިންމާލަން އުޅޭކަހަލަ ކުލަވަރުތައް ފެންނަމުން ދިޔައެވެ.
5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 54 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި، 5 ވަނަ ފަހަރަށް ތަޙްޤީޤަށް ނެރުނުދުވަހެވެ. މިއަދުގެ ސުވާލުތައް ބިނާވެފައިހުރީ، އަޅުގަނޑުގެ މޯބައިލުން ކޮށްފައިހުރި ފޯނުކޯލުތަކާ ގުޅިގެންނެވެ. މިބޭފުޅުން އަތުގައި ދިރާގުން އަތުލާފައިއޮތް ފޯނު ރީޑިންގްސްތައް އޮތެވެ. އެއަށް ބަލައިގެން ފަހަރަކު ކޯލަކާ ބެހޭގޮތުން ސުވާލުކުރަމުން ގެންދިޔައެވެ. މިކަރުދާހުގައި ދިރާގުގެ ލޯގޯއާއި ރަތްކުލައިން ހުރި، ލިޔުންތައް ފެންނަން ހުއްޓެވެ. ދެން ކަޅުހުކުރުގެ މޫވީތައް ދަށްކާފައި އެވެނި މިވެނި ތަނެއްގައި ހުރެގެން އެކުރަނީ ކީއްތޯ ސުވާލު ކުރެއްވިއެވެ.
އަޅުގަނޑުގެ ވަރަށްގިނަ ފޮޓޯތައް މިމީހުން އަތުގައި ހުއްޓެވެ. ގިނައިންހުރީ ފޯނުކުރަނި ކޮށާއި ފެންކޭސްތަކެއް ލޯރިއަކުން ބާލަނިކޮށާއި ރުމާލެއް ބޮލުގައި އަލައިގެން އުޅެނިކޮށް ނަގާފައިހުރި ފޮޓޯތަކެކެވެ. އަދި އެކިއެކި މަސައްކަތުގައި އުޅެނިކޮށް ނަގާފައިހުރި މަންޒަރުތަކެވެ. ތަޙްޤީޤުޓީމުގައި މިއަދު އިތުރުމީހުން ތިއްބެވިއެވެ. ނަވާޒުގެ އިތުރުން، ޝާމީ އާއި ޝަމީމް އާއި ޓެކްނިކަލް ބޭކަލުން ސިފައިންގެ ތެރެއިން ތިއްބެވިއެވެ. މިއަދު މުޅިންވެސް ގެންދެވީ މިކަހަލަ ސުވާލުތަކެވެ. އެލިޔާ ޢަލީ ޢަބްދު ﷲ (އަލިބެ) އާ، އަޅުގަނޑު ގުޅާފައިހުރި ކޯލުތަކާ ގުޅިގެން ވަރަށްބޮޑަށް ތަފްސީލްތައް އޮޅުން ފިލުވިއެވެ.
ގުޅާފައިހުރި އަދަދުތަކާއި ވާހަކަދެއްކި ގަޑިއާއި ސުކުންތައް ދާންދެން އެބޭފުލުންނަށް ދިރާގުން ދީފައިހުއްޓެވެ. އެހެނަސް އަޑުތަކުގެ ރެކޯޑިންގ ނެތްކަން ތަޙްޤީޤު ގެންދެވިގޮތުން ޔަގީން ކުރެވުނެވެ. އަދި ޖުމްހޫރީ މައިދާނަށް ކާނާ އާއި ފެންގެންދިއުމަށް ފައިސާހޯދުމަށް ވާހަކަދެއްކިންތޯ ތަކުރާރުކޮށް ސުވާލުކުރިއެވެ. ބައެއްކަންތަކަށް އިންކާރުކޮށް އަނެއްބައި ކަންތަކަށް އެއްބަސް ވީމެވެ. މިއަދު ރަފްބަޔާނެއް ލިޔުނެވެ. އެހެނަސް އެބަޔާނުގައި އަޅުގަނޑުގެ ސޮއި ނުކުރުވައެވެ.
މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް ޖަސްޓިސް މިނިސްޓަރީގެ ޓީމު، ޖަލަށް ޒިޔާރަތް ކުރިއެވެ. ފަހަރުގައި މެންދުރުން ފެށިގެން އުޅުއްވަނީ ކަމަށް ވެދާނެއެވެ. އަޅުގަނޑު އެމީހުންނާ ބައްދަލުވުމަށް ނެރުނުގަޑިއަކީ ހަވީރެވެ. މިބައްދަލުވުން އޮތީ އުނދޯލިގޭގައެވެ. މިޓީމުގައި ތިއްބެވީ، ތ.އަތޮޅު މެމްބަރު ޖީސަސް ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީ އާއި އިސްޤާޟީ އާދަމް ސަޢީދު މޫސާ އާއި ޤާޟީ ޢަބްދު ﷲ ޢަރީފެވެ. މިބައްދަލު ވުމުގައި ޖަލުގެފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއް ވާހަކަތަކެކެވެ.
ޖަލުގައި، 54 ދުވަސްވީ އިރުވެސް އެއްވެސް ތަފާތެއް ނާންނަކަމާއި މިހާރުވެސް މިތިބެނީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ފުރިހަމަ އަނިޔާގައި ކަމަށް ދެންނެވީމެވެ. ތަޅަމުން ސިފައިންގެ މައިމަރުކަޒު ތެރެއަށް ގެންދިޔަ މަގުމަތީގައި ސިފައިންގެ ބޭކަލެއްގެ އަތުން ގޮށްމުއްކަވާފައި އަޅުގަނޑުގެ ބުރަކަށީގައި ހެސްކިޔާފައި އަޅުވާލި އެތިފަހަރުން ވެފައިވާ ތަދާގުޅިގެން ބުރަކަށްޓައި ދިމާލުން ރިބްސްތައް އައިސްމައި ބަދަައާ ގުޅުނުތަނުގައި، މައިބަދައާ އެކުގައި ތަދުއަރާއި ރިއްސާތީ ގިނަރޭރޭ ނުވެސް ނިދެއޭ ދެންނެވީމެވެ. ވިއްސާރަރޭރޭ މާބޮޑަށް ތަދުއަރައެވެ.
ޖަލަށް ވަޑައިގެންނެވި ދެޑޮކްޓަރުވެސް ވިދާޅުވީ އެދިމާލުން ނާރެއްފިތޭތީ ވާގޮތެއް ކަމަށެވެ. މިއިންކަމެއް ތަޞައްވަރުކޮށް ލެއްވޭނީ ތިޔައިން ބޭފުޅަކަށް މިކަހަލަ ކަމެއް ދިމާވުމުންނެވެ. މިފަދަ ޙާލެއް ޖެހުމުންނެވެ. މީހަކު މިހެން އަދި ކިޔައިދިނަސް ނޭނގޭނެއެވެ. އިހްސާސެއް ނުކުރެވޭނެއެވެ. އަދި އޭގެ އިތުރުން ދެފައި ދުޅަވެފައި ހުންނާތީ އެވާހަކަ ޑޮކްޓަރަށް ކިޔައިދިނުމުން ބައްލަވާފައި ވިދާޅުވީ ދެފައިދުޅަވެފައި އެވަނީ ބުރަކަށިން ފިތޭނާރުގެ ސަބަބުން ކަމަށެވެ. އަޅުގަނޑު އަނދެގެންހުރި މުންޑުގަނޑު ހިއްލާލާފައި ދެފައި މިބޭފުޅުންނަށް ދެއްކީމެވެ.
އަދި ކޮނޑުގައިއިން ލަކުނާއި ކަނާއަތު ކަކުލުގައި އިންލަކުނު ވެސް ދެއްކީމެވެ. އަތްލާ ހަދާލުމަށް އެދުނީމެވެ. އަދި މިއަނިޔާގެ ބަދަލުނަގައިދިނުމަށް އެދުނީމެވެ. ޖީސަސް ޢަފީފު އިންނެވީ ވަރަށް މަޑުންނެވެ. އެއްގޮތަކަށް ވެސް ބަހެއްވިދާޅެއް ނުވެއެވެ. މަޑުމަޑުން އިންނެވީއެވެ. ވާހަކަދެއްކެވީ ހަމައެކަނި އާދަމް ސަޢީދެވެ.
ދެން ތިއްބެވި ބޭފުޅުންވެސް މަޑުން ތިއްބެވީއެވެ. ބަހެއް ނުބުނުއްވައެވެ. ޢަރީފް ޤާޟީ ފެނުމުން ޢަރީފަށް ނިސްބަތްކޮށް އެއްޗެއް ދަންނަވަން ބޭމުމޭކިޔާފައި ޝައިޚް ފަރީދުގެ ޝަރީޢަތް ކުރެއްވި ދެދުވަހެއްގައި އަޅުގަނޑު، ގާޒި ޢަރީފު އެޝަރީޢަތް ކުރެއްވި މަންޒަރާއި އަޑުއަހަން ވަތްވާހަކަ އިތުރަށް ދެންނެވީމެވެ.
އެއީ ޝައިޚް ފަރީދާއި އޭނާގެ ބައެއް އެކުވެރިންގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާއެކެވެ. މިދެދުވަހު ވެސް އޮތީ، އޭރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރެއްގެ ބަޔާނެއް އިއްވުމާއި އެބަޔާންނެގި ސިފައިންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަހާފައި، އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. ސިފައިން ހެކިބަސްދެއްވި ގޮތުން އެބަޔާނަކީ ޞައްޙައެއްޗަކަށް ނުވެއެވެ. އެދުވަހު އަޑުއަހަންވަދެ ތިއްބެވި، 12 ވަރަކަށް ބޭފުޅުންވެސް މިވާހަކައަށް އިއްތިފާގުވިއެވެ. އެހާ ފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް، މިހާދިގު ލައިގެން ގޮސްފައި ވާތީއެވެ.
އެކުއްޖާ ބޮޑުމީހަކަށްވެ އޭރު ސްކޫލް ނުނިމޭކަމެއް ވެސް ނޭނގެއެވެ. އިއްޒަތްތެރި ޤާޟީގެ ގޮނޑިކޮޅުގައި ޢަރީފުގެ ބަދަލުގައި އެދުވަހު އަޅުގަނޑު އިންނަމަ، ކަންކުރާނެ ގޮތަކީ މިއޭ ކިޔާފައި މިހެން ދެންނެވީމެވެ. މިހާހިސާބުން ފާޅުވެ އެނގުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، އެހެކިތަކަށް ރިޢާޔަތްކޮށް ކިޔަވާ ކުއްޖާއަތުން ހޯދާފައިވާ ތަޙްޤީޤީ ބަޔާނަކީ ބާޠިލު އިޢުތިރާފެއް ކަމުގައި ޙުކުމްކޮށް، ނިޔާކަނޑަ އެޅުމަށް ފަހު، މައްސަލަ ނިންމާއި އެޤަޟިއްޔާ ކޯޓުންބޭރު ކޮށްލައި ނިންމާ ލާނީއެވެ. މިކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ކަރުދާސްކޮށް ދިގުދެމިގެން ދިޔައިމާ ބަދުނާމުވާނީ ހަގީގަތުގައި ދައުލަތެވެ. އަދި ޢަދުލް އިންޞާފުގެ ދާއިރާއެވެ. ދެން މަނިކުފާނެވެ.
މިކަމުން ޝައިޚް ފަރީދު ބިރުދައްކަން ކަރުދާސްކުރާ ދައުވާއެއްކަން ރީތިކޮށް ސާބިތުވެއެވެ. ކިޔަވައިގެން ތިއްބަވާ ޖަޖުން ސަރުކާރަށް މިކަހަލަ މުޑުދާރު ފުރުސަތުތައް ދީގެން ނުވާނެއެވެ. ޝަރީއަތްތައް ވަކިއަމާޒަކަށް ލަންބައި ދިގުދަންމައިގެން ނުވާނެއެވެ. ޤާޟީ ޢަފީރު އެއްވެސްކަހަލަ ބަސްފުޅެއް ވިދާޅުނުވެ، އަޑުއައްސަވަން އިންނެވީއެވެ. ވަރަށް ސީރިއަސްކޮށް ފިކުރުކުރެއް ވުމުގައި އިންނެވީއެވެ.
ޖަލު އިސްލާހު ކުރުމަށްވުރެކުރިން، ޖަސްޓިސްގެ ދާއިރާ އިސްލާޙުކުރަން ޖެހޭކަމަށް ބާރުއަޅައި އިރުކޮޅަކު ވާހަކަދައްކާ ލުމަށްފަހު، މިބައްދަލުވުން ނިންމާލީއެވެ. ނިންމާލަމުން ޖީސަސް ޢަފީފުއަރިހުގައި ގޭމީހުންނަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. ޢަފީފުމެންނާއި އަޅުގަނޑު މެންނާ ދެމެދު ތ.އަތޮޅު މީޙުންނަށްވާތީ ޢާއިލީގުޅުން ކޮންމެވެސް ވަރަކަށް އޮވެއެވެ.
މިއަދަކީ ޖަލުގައި، 54 ދުވަސް ވުމަށް ފަހު، ގޮޅިގެ ދޮރުތަޅުނުލާ ގޮތަށް ހަމަޖައްސައި ދެއްވިދުވަހެވެ. ހިނގާދިޔަ ބައްދަލުވުން ނިމިގެން އަޅުގަނޑު ގޮޅިއަށް ލާފައި ލޭޑީ ވަޑައިގަތީ ގޮޅީގެ ދޮރުހުޅުވާލަ ދީފައެވެ. މިކަމަށް ލޭޑީއަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިލިބުނީ މާސިންގާބޮޑު މިނިވަން ކަމެކެވެ. މިއަށްފަހު އެއްގޮތަކަށް ވެސް ގޮޅީގެ ދޮރުތަޅެއް ނުލައެވެ.
އެހެނަސް ރޭގަނޑު، 12 ޖެހުމުން ގާޑުއައިސް ދޮރުލައްޕާ ލައެވެ. ހެދުނު ވުމުން އަމިއްލައަށް ހުޅުވާލަނީއެވެ. މީގެކުރިން ހުޅުވާފައި ހުންނަނީ، އިބުރާގެ ގޮޅި އާއި އަބުޖީގެ ގޮޅީގެ ދޮރެވެ. އަބުޖީ ބުނުއްވީ އެގޮޅީގެ ދޮރުހުޅުވައި ދިނީ ޑޮކްޓަރ ޝަކީލް ވިދާޅުވެގެން ކަމަށެވެ.
ގޮޅީގެދޮރު ހުޅުވުމުން އަޅުގަނޑު ވަރަށް ބޮޑަށް އުފާވިއެވެ. އުޑުމަތި ބަލާލައި ގޮޅީގެ ބެލްކަނި ތަޅުންކޮޅުގައި ސަރަންފީ ގޮނޑި ބަހައްޓައިގެން އިށީދެލާ ހެދެއެވެ. އަދި އެތަޅުންކޮޅު މަތީގައި ކަސްރަތުކޮށް ހެދެއެވެ. ހުޅުވާލެއްޕޭ ސަރަންފީ ގޮނޑިއަކީ އަޅުގަނޑު އެދުމުން، ލޭޑީ ގެނެސްދެއްވި ސަރަންފީ ގޮނޑިއެކެވެ. އަދި ގޮޅީގައި ހުންނަ ކުޑަމޭޒުނެރެގެން އެތަޅުންކޮޅުގައި މޭޒުބޭނުންކޮށް ކައިބޮއި ހެދެއެވެ.
އަދި ވަގުތުކޮޅެއް ލިބޭ އިރަށް ކައިރީގައި ދެފަރާތުން ހުންނަ ދެގޮޅީއަށް ޒިޔާރަތް ކޮށްލާހަދަމެވެ. ވާއަތްފަރާތުގައި ހުންނެވީ ފުރަހަނި ޝުޢައިބެވެ. ޝުޢައިބަށް އަޅުގަނޑަށް ގެންނަ ޚާއްސަ ކާނާއިން ކޮންމެފަހަރަކު ވެސް ބައިއަޅަމެވެ. ޑައިބެޓިކް މީހަކަށް ވާތީ، އަޅުގަނޑަށް ގެނެސްދެނީ ޚާއްސަ ކޮއްތެވެ. ސިފައިންގެ އޮފިސަރުންގެ ކޮއްތެވެ. މޭވާއާއި ކޮފީ ވެސް ލިބެއެވެ.
ކުޑަގޮޅީގައި ހުރެ އެމެރިކާ ސަފީރައި ބައްދަލު ކުރުން:
6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 55 ވަނަ ދުވަހެވެ. އަޅުގަނޑުގެ ޖަލުގެ ޙަޔާތުގައި މިއަދަކީ އެންމެބޮޑު ދުވަހެވެ. މީގެފަހުންވެސް މިވަރުގެ ދުވަހެއް ނާންނާނެއެވެ. ހެދުނު ސަޔަށް ފަހު، ގޮޅީގައި އިންދައި ޖަލުއޮފީހުން އޮފިސަރަކު ދުރުވެ އެންގީ، ބޭރުމީހަކާ ބައްދަލުވާން ބޭރަށް ނުކުންނަން ޖެހޭތީ ތައްޔާރު ވެލައިގެން ހުރުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ބަލާއަންނާނެ ކަމަށެވެ.
އަތުގައިއޮތް ޖީންސާއި ޓީޝާޓު ލައިގެން ތައްޔާރަށް އިންދައި މެންދުރުވުމުގެ ކުރިން ބަލާއައުމުން، ނުކުތްއިރު ދޫނިދޫޖަލުގެ އުނދޯލިގޭ ސޯފާގައި އިންނެވީ ދުނިޔޭގެ އެންމެވަރުގަދަ ބާރުކަމުގައިވާ އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ، އިއްޒަތްތެރި ސަފީރާއި އޭނާގެ އަންހެން ސެކްރެޓަރީއެވެ.
އަޅުގަނޑު އެބޭފުޅުންނާ އަރާހަމަވުމުން ސަލާމްޤަލާމްކޮށް ތަޢާރުފް ވުމަށްފަހު، ސޯފާގައި އިށީނީއެވެ. ވަރަށްބޮޑަށް ހިތްހަމަޖެހި އުފާވި ހިނދުކޮޅެވެ. ސިފައިންނާއި ފުލުހުންގެ ފަރާތުން އިންނެވީ، ޢަބްދު ﷲ ރިޔާޒެވެ. މީނާވެސް ސަލާމްކޮށް ލުމަށް ފަހު، އަޑުއިވޭ ހިސާބުގައި އިށީންނެވީ، މިއަދުވެސް ތަޙްޤީޤުގެ ވާހަކައެއް ނުދެއްކޭނޭ ވިދާޅުވެފައެވެ. އަދި އެއްމިނެޓްގެ ވަގުތުކޮޅެއް ސަފީރާއެކު އެކަހެރިކޮށް ވާހަކަދައްކާލަން ފަހުގެ ވަގުތެއްގައި އިލްޔާސަށް ލިބޭނެއޭ، ޢަބްދު ﷲ ރިޔާޒު ވިދާޅުވެފައި ތިޔަބޭފުޅުންގެ ވާހަކަތައް ކުރިޔަށް ގެންދަވާށޭ ކިޔާފަ އިޝާރާތްކޮށް ލެއްވިއެވެ.
ދެން އަޅުގަނޑު އިއްޒަތްތެރި ސަފީރާއެކު ވާހަކަތައް ފެއްޓީ އަމިއްލައަށެވެ. ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން ތަރްޖަމާނަކާ ނުލައެވެ. އަޅުގަނޑުގެ އަމިއްލަ ކޮށި އިނގިރޭސި، ބަރާބަރަށް އެދެބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައި ގަންނަވައެވެ. ބޭނުންވި ހުރިހާ ވާހަކަތަކެއް ރަނގަޅަށް ހުރަހެއް ނައިސް ދެކެވުނެވެ. އަޅުގަނޑުގެ ތަޢާރުފެއް އަމިއްލައަށް އެރުވުމަށް ފަހު، ސިޔާސީ ވާހަކަތައް ކުރިޔަށް ގެންދަން ފެށީމެވެ. މަނިކުފާނުގެ ޑެޕިއުޓީ، މިސްޓަރ ޖޭމްސްއާ، އަޅުގަނޑާ މިޖަލުން ބައްދަލުވި ދުވަހު، ވަރަށް ތަފްސީލުކޮށް އަޅުގަނޑަށް ކުރި އަނިޔާތަކާއި ކަޅުހުކުރުގެ މުޅި މިޙާދިޘާ އެކުގައި ހިނގާދިޔަ ގޮތް ވާނީ ކިޔައިދީފައެވެ.
އަދި މިސްޓަރ ޖޭމްސްގެ ވިޒިޓިންކާޑު އަޅުގަނޑަށް ދީފައި މިނިވަންވުމުން ލަންކާއަށް ގޮސް އޭނާއާ ބައްދަލުކުރުމަށް އެދުނުވާހަކަ ވެސް ދެންނެވީމެވެ. އަދި އީޔޫން އަޅުގަނޑާ ބައްދަލުކުރި މަތީފެންވަރުގެ ޓީމަށްވެސް މިހުރިހާ ވާހަކަތަކެއްވާނީ ވަރަށް ފުރިހަމައަށް ކިޔައިދީފައި ކަމަށް ދެންނެވީމެވެ. އޭގެ ޖަވާބުގައި ސަފީރު ވިދާޅުވިއެވެ. މިސްޓަރ ޖޭމްސް ހުރިހާ ވާހަކަތަކެއްވަނީ ކިޔައިދީފައެވެ. އަދި އދ.މެންބަރުގެ މެސެޖެއް ތިމަންނާއަށް ލިބުނުކަމަށް ވިދާޅުވިއެވެ.
އިޔޫ ޓީމުގައި އިސްކޮށް ހުންނެވި ބޭފުޅާ ދަންނަކަމަށާއި އޭނާއާބައްދަލު ވިކަމަށް ވިދާޅުވިއެވެ. ތިމަންނާއަށް ހުރިހާކަމެއް ވަރަށް އަޕްޑޭޓުކަމަށް ވިދާޅުވިއެވެ. ތިމަންނާ މިއައީ ތިޔައިއްޒަތްތެރި މެމްބަރުންގެ ޙާލުބަލާލައި ހިއްވަރު ދިނުމުގެ ގޮތުންނޭ ވިދާޅުވިއެވެ. ތިމަންމެން ވެސް އީޔޫއާ ގުޅިގެންނާއި ވަކިންވެސް ކުރެވެންހުރި މަސައްކަތްތައް މިގެންދަނީ ކުރަމުންކަމަށް ވިދާޅުވެ ދެއްވިއެވެ. ރާއްޖޭގައި ހިންގާފައިއޮތް ކުއްލި ނުރައްކަލުގެ ޙާލަތު ވިހާއަވަހަށް ނެގުމަށާއި ހިފޭއްޓިފައިހުރި ގާބނޫނީޙައްޤުތައް ވީއްލައި ދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް މިގެންދަނީ އަޅުއްވަމުން ކަމަށް ވިދާޅުވިއެވެ.
އަދި މިމަހު، 12 ވަނަދުވަހު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް ހުރިހާމެމްބަރުން ހަމަކޮށް ތިބެގެން ބޭއްވޭތޯ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މިގެންދަނީ އަޅުއްވަމުން ކަމުގައި ވިދާޅުވިއެވެ. އެޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި މާދަމާ ރައީސް މައުމޫނާ ބައްދަލު ކުރައްވައި މެދުކެނޑިފައިވާ ޖަލްސާތައް ކުރިޔަށް ގެންގޮސް އަވަހަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ފެށޭތޯ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވަރަށް އިސް ބޭފުޅެއް ކަމުގައިވާ، މިސްޓަރ އައްބާސް މިއަންނަ ވީކްގައި މާލެދުރުވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާއާ ތިޔަބޭފުޅާއާ ބައްދަލުވާނީ މާލޭގައިކަމަށް ވަރަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ދަންނަވަންހުރި ގިނަވާހަކަތަކުގެ ޖަވާބު ސީދާކޮށް ލިބުމުން، އިއްޒަތްތެރި ސަފީރު އިންނެވީ ފުރިހަމައަށް ހުރިހާ މަޢުލޫމާތެއް ލިބިވަޑައި ގެންކަން އަޅުގަނޑަށް ޔަޤީންވިއެވެ. އިތުރަށް ދެންނެވީމެވެ.
އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް އެރޭދިޔައީ އިންފޯމޭޝަން މިނިސްޓަރު، ޤާސިމް އިބްރާހީމަށް ގުޅުއްވާފައި ހުރިހާ މެންބަރުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާކަމަށް ވިދާޅު ވުމުންނެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރާކަށްނޫނެވެ. އިންޤިލާބެއް ގެނެސް ސަރުކާރު ވައްޓާލާކަށް ނޫނެވެ. ސަރުކާރުން އެހައްދަވަނީ ހުސްދޮގެވެ.
އަޅުގަނޑު މެންނަކީ ސަރުކާރުން އެބުނާކަހަލަ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑުމެން ކުށްވެރީންނަށް ވެގެން މިއުޅޭގޮތަކީ، އަޅުގަނޑު މެންނަކީ ހަމައެކަނި ޒަމާނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ބަޔަކަށް ވާތީއެވެ. ރާއްޖެއަށް އިންސާނީ ޙައްޤުތަކާއި ލިބަރަލް ޑިމޮކްރަސީ ގެނައުމަށް އަޑުއުފުލާ ބަޔަކަށް ވާތީއެވެ. އަޅުގަނޑު މެންނަކީ ރާއްޖެއަށް މަލްޓިޕާޓީ ސިޔާސަތު ގެނައުމަށް ގޮވާލާބަޔަކަށް ވާތީއެވެ. ވެރިމީހާއަކީ ދައުރުވާންޖެހޭ މީހަކަށް ހެދުމަށް ގޮވާލާއި އަޑުއުފުލާތީއެވެ. މިކަންތަކާހެދި އަޅުގަނޑުމެން ޖަލުގައި މިގެންގުޅެނީ ބަޣާވާތެއްގެ ތުހުމަތު އަޅުވައިގެންނެވެ.
އަޅުގަނޑު މިހުރީ ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް އަޒުމް ކަނޑައަޅާއި މަރުވާންދެން މަސައްކަތްކުރަން ތައްޔާރަށެވެ. ފަހަތަކަށް ނުޖެހޭނަމެވެ. މިވާހަކަތައް އައްސަވާފައި ވަރަށްހިތްވަރު ދެއްވިއެވެ. ކުރިޔަށް މިއޮތްދުވަސް ތަކުގައި ރާއްޖޭގައި އާންމު އިންތިޚާބެއް ބާއްވާނެއެވެ. އެދުވަހަށް މިނިވަން ނުކޮށްފިނަމަ، އެއިންތިޚާބުގައި ޖަލުގައި ހުރެގެން މާލޭގެ ގޮނޑިއަށް އަޅުގަނޑު ކުރިމަތިލާން ގަސްދުކުރަމެވެ.
އެއިންތިޚާބަކީ ޤާނޫނު އަސާސީ ބުނާގޮތުން ކޮންމެހެން ވެސް ބާއްވަން ޖެހޭނެ އިންތިޚާބެކެވެ. އެއިންތިޚާބުގައި އެމެރިކާ ފަރާތުން މޮނިޓަރކޮށްދޭނެ ބަޔަކު އައުމަކީ އަޅުގަނޑުމެން އެދޭކަމެކޭ ދެންނެވުމުން ވިދާޅުވީ، ސަރުކާރުން މިހާރުއެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. އެމެރިކާ އަބަދުވެސް އޮންނާނީ އެހީތެރިކަމަށް ތައްޔާރަށެވެ.
ރާއްޖެތެރޭގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވެނީ ސަރުކާރުން ވެރިކަމުގެ ނިޒާމްރާވާފައި އޮންނަގޮތުން، މިނިސްޓްރީ އޮފް އެޓޮލްސް ކިޔާތަނެއް އިންތިޚާބުތަކުގައި ނުފޫޒުހިންގުމަށް ހަދާފައި ހުންނާތީއެވެ. އަޅުގަނޑު މަސައްކަތްކުރީ އެމިނިސްޓްރީގައެވެ. އެހެނަސް މިފަހަރު ޖަލުގައި ހުއްޓައި ވަޒީފާއިން ވަނީ އެއްވެސް ސަބަބެއްނެތި ކަނޑާލައިފިއެވެ. މިހާރު އަޅުގަނޑުގެ އާމްދަނީ ހުރީ ސަރުކާރުން ހުއްޓުވާލާފައެވެ. ކުޑަދެކުދިންނާއި އަންބަކު ގޭގައި އެކަނިވެފައި އިންނާނެއެވެ. މިހާރުވީނުވީ ތަނެއް ސާފުކޮށެއް ނުދެއެވެ. މިހުރިހާ ވާހަކަތަކެއް ވާނީ މިސްޓަރ ޖޭމްސް އާއި އީޔޫ ޓީމަށް ވަރަށް ސާފުކޮށް ބަޔާންކޮށް ދީފައެވެ.
އަދި، 9 ޖޫން 2004 ގައި ސަރުކާރުން އިއުލާނު ކުރެއްވި އިސްލާހުތައް ގެންވަން ބޭނުންފުޅު ވާނަމަ ކުރެވިދާނެ ބައިވަރުކަންތައް އެބަހުއްޓެވެ. އެހެނަސް އެކަންތައް ބަހައްޓާފައި ސަރުކާރުން ކުރިންކުރަން ބޭނުންވީ އިސްލާހަށް ގޮވާލާއި ހަރަކާތްތެރިވާ މީހުންގެ ބޮލުގައި ބޮޑުބަޣާވާތެއްގެ ދޮގުތުހުމަތު އަޅުވާފައި އެމީހުންގެ ދުވަސް ދުއްވާލާށެވެ. އެގޮތުން އަޅުގަނޑުމެން މިތިބީ ޖަލުގެކުޑަގޮޅި ތަކުގައި ހައްޔަރުކޮށްފައެވެ. ހުރިހާ ގާނޫނީޙައްޤުތަކެއް ވަނީ ހިފާއްޓަވާފައެވެ.
ދެން މީގެއިތުރުން ދަންނަވާނެ މާގިނަވާހަކަ ތަކެއްނެތެވެ. ވާހަކަތައް މިގެންދެވުނު ގޮތުން ވާހަކަތައް ހުސްވާގޮތް ވީއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުންވެފައި ހުރި ސުވާލުތަކަށް ޖަވާބު ލިބުމުން ވީއުފަލުން، ވަރަށް ވަރަށްބޮޑު ޝުކުރިއްޔާއެއް އުފަލާއެކު ސަފީރަށް އަރިސްކުރީމެވެ. އައިއެމް ވެރީހެޕީއޭ އިޓްމައިޕުލެޝާއޭ ދެންނެވީމެވެ. މިހާހިސާބުން ޢަބްދު ﷲ ރިޔާޒު ދުރަށްޖެހިލައި ސަފީރާއެކު އަޅުގަނޑަށް ހަމަޖެހިފައިއޮތް އެކަހަރި ވަގުތުކޮޅު ދީފިއެވެ. ސަފީރާއި ސެކްރެޓަރީ އާއި އަޅުގަނޑައި ތިންމީހުން އެކަނިވީއެވެ. މިވަގުތު ކޮޅުގައި އަޅުގަނޑު ދެންނެވީ ވަރަށް އަސަރުހުރި ވާހަކައެވެ.
އަޅުގަނޑުގެ ލޮލުން ކަރުނަ ފޭދިގެންދިޔައެވެ. ސަރުކާރުން މިހާބޮޑަށް ފިއްތުންތައް މިފިއްތަނީ، އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ، ސްޓަންފަރޑް ޔުނިވަރސިޓީން ޑަބަލްމާސްޓަރސް އާއި ޑޮކްރަރޭޓް ނަންގަވައިގެން ރާއްޖެއަށް ވަޑައިގެންނެވި، ފުރަތަމަ ޕީއެޗްޑީއަކީ، ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަނަށް ވެފައި އޭނާއަށް ދިވެހި ރައްޔިތުންއެރުވި ތާއީދުގެ ބޮޑުކަމުން އޭނާވެރިކަމަށް އަތުވެދާނެތީ އެކަމުގެ ބިރަށް ސަރުކާރުން ހުރަސް އެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ ހަރަކާތަށް އަޅުއްވާ ހުރަހެއްގެ ގޮތުގައެވެ. ޑޮކްޓަރ ވަހީދުމެން އޭރުގެ އަސާސީއަށް އިސްލާހު ގެނައުމުގެ ތެރޭގައި ފެއްޓެވި އިސްލާހީ ހަރަކާތް އަދި ވެސް މިދަނީ ކުރިޔަށެވެ. އޭރު އެބޭފުޅުންގެ މަސައްކަތުން އެންމެ އަނިޔާވެރިކޮށް އޮންނަ، 38 ވަނަ މާއްދާ އުވާލެވުނެވެ.
މިހާރު އިސްލާހީ އެ މަސައްކަތުގައި ހަރަކާތްތެރި މިވަނީ އަޅުގަނޑުމެން ޒުވާނުންނެވެ. ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެނީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއޭ ކިޔައިގެން އަޅުގަނޑުމެން މިއުޅެނީ، ދިވެހި ރައްޔިތުން އިސްލާމް ދީނައިދުރަށް ޖައްސާއި އެމެރިކާ އާއި އީޔޫއާއި ހުޅަގުން އެދޭގޮތަށް، މަލްޓިޕާޓީ ސިޔާސަތަކަށް މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ލުމަށެވެ. ރައްޔިތުންނަށް އަންގައިދެނީ ރިފޯމޭ ކިޔައިގެން މިއުޅޭ މީހުންނަކީ، ހުރިހާ ދީނެއްގެ މީހުންނަށް ރާއްޖެ ހުޅުވާލައި މަރްޙަބާ ކިޔާނެ މީހުންކަމަށެވެ. އެހެންވުމުން އެފަދަބަޔަކު ރާއްޖޭގެ ވެރިކަމާ ދިމާއަށް އަޔަދީގެން ނުވާނެކަމަށެވެ.
އަދި އެފަދަބަޔަކު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ، އެހެންދީންތައް ރާއްޖެއަށް އިންޕޯޓު ކުރާނެބަޔަކަށް އެމީހުންވާނެއެވެ. މިފަދަބޮޑު ތުހުމަތެއް އިސްލާޙަށް މަސައްކަތް ކުރާ މީހުންގެ ބޮލުގައި އެޅުވުމަށް ފަހު އެއެންމެން މިތިބީ ގެނެސް ޖަލުގައި ހައްޔަރުކޮށް ފައެވެ. ސަރުކާރުން އަބަދުވެސް ދެކެނީ، ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ އިސްމީހަކީ އަޅުގަނޑު ކަމުގައެވެ. އެހެންވުމުން އަބަދުވެސް އަޅުގަނޑު މިގެންގުޅެނީ ޖަލުގައެވެ. މިއީ އަޅުގަނޑު ޖަލަށްލެވުނު، ފަސްވަނަ ފަހަރެވެ. ޑޮކްޓަރ ވަހީދަކީ، އަލުގަނޑުގެ ބްރަދަރ އިންލޯއެވެ. އެހެންވުމުން އަޅުގަނޑަށް އަނިޔާ ބޮޑުވަނީއެވެ.
ދެން ސަފީރު ވިދާޅުވިއެވެ. ޑޮކްޓަރ ވަހީދު ދަންނަމެވެ. އަދި އިލްޔާސްގެ ސަލާމް އޭނާއަށް ބުނެދޭނަމޭ އިސްވެ ވިދާޅުވިއެވެ. އެއަށް ފަހު، ހިތްވަރު ގަދަކުރުމަށް އަޅުގަނޑަށް ނަޞޭޙަތްތެރި ވެލެއްވިއެވެ. އެހެން ޤައުމުތަކަށްވުރެ މާބާރަށް މިރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރިޔަށް ދާކަން ފާހަގަ ކުރެއްވިއެވެ. އެހެން ގައުމުތަކުގައި ދިހައަހަރުން ނުކުރެވޭ ކަންތައް މިރާއްޖޭގައި އެއްއަހަރުން ވެއެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ތިޔަކުރައްވަމުން ގެންދަވާ މަސައްކަތުގައި ދެމިތިބުމަށް އެދިލެއްވިއެވެ.
އަދި، 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު ކުރައްވަމޭ، އަދި ވެސް އެއްފަހަރު ތަކުރާރުކޮށް ވިދާޅުވިއެވެ. ހިތްވަރު ގަދަކޮށް ސިޔާސީ ކަންކަމުގައި ކެރުމަށް ބާރުއަޅުއްވާއި ޝާބާސް ދެއްވިއެވެ. މިހާހިސާބުން، އަބްދު ﷲ ރިޔާޒު ކައިރިޔަށް ޖެހިލެއްވުމުން މިބައްދަލުވުން ނިންމާލައްވައި ސަލާމްކޮށް ހެދުމަށް ފަހު، ވަކިވީއެވެ. އަޅުގަނޑު ގެނެސްލީ ކުރިންވެސްހުރި ގޮޅިއަށެވެ.
ރޭގަނޑު ކައިނިމުނު ފަހުން، ތަހްޤީޤަށް ނެރުނެވެ. ފޮޓޯތަކަކާއި ވީޑިޔޯތަކެއް ދައްކާފައި ޝާމީ އާއި ޝަމީމް ވަރަށްގިނަ ވާހަކަތައް ދެއްކިއެވެ. ގިނައިން ރިޕީޓުކުރީ ކުރީދުވަހުގައި މިބޭކަލުން ދެއްކެވި ވާހަކަތަކެވެ. ބޭނުންވަނީ އަވަހަށް ރަފްބަޔާނެއް ހަދާލައި ނިންމާލުންކަން މިބޭކަލުންގެ ވާހަކަތަކުން ވިސްނުނެވެ. އެބޭކަލުން ލިޔުނުރަފް ބަޔާން ކިޔާލާފައި ސޮއިކޮށްލީމެވެ. މާގިނަ މައްސަލަތައް ޖައްސާކަށް ނުހަދަމެވެ. އަޅުގަނޑުމެންގެ ކަންތައް މިދާހިސާބުން ދެންގޯހެއް ނުވާނެކަން މިއަދު ޔަޤީންވެއްޖެއެވެ. އަޅުގަނޑުގެ ހުވަފެންތަކުން ވެސް ފެންނަނީ ރަނގަޅު ވާނެކަމަށެވެ. ސޮއިކޮށް ނިންމާ ލުމުން ޝާމީ ބުނުއްވިއެވެ. މިއުޅެނީ ހަމަމިރޭ ހުރިހާކަމެއް ނިންމާލެވޭ ތޯއެވެ.
އަޅުގަނޑު ހީކުރީ މާދަމާ އެމެރިކާ ސަފީރު ރައީސް އަރިހަށް ވަޑައިގަންނަވަން ވާއިރަށް ކޮންމެވެސް ވަރެއް ކުރެވޭތޯ ބަލަނީކަމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ގެއަށްދެވެން ކާރިވަނީއޭ ހިތަށްވަނެވެ. ތަޙުޤީޤުގެ މިކަންތައްގަނޑު ތެރޭގައި އުޅެނިކޮށް މިރޭ ޤާސިމް އިބްރާހީމް ފެނުނެވެ. ހުންނެވީ މުޅިމީހާ ބަދަލުވެފައެވެ. މުޅިން ފަލަވެފައެވެ.
އަޅުގަނޑަށް ޤާސިމުކަން ޔަޤީންވީ ތަންކޮޅެއް ކައިރިވުމުންނެވެ. ފުރަތަމަ ފެނުމުން ވަކިކުރަން އުނދަގުވިއެވެ. އަޅުގަނޑު ބައިންދާފައިއިން ގޮނޑިކުރިމަތިން ޤާސިމް ވެސް ތަޙްޤީޤަށް ގެންދަނީއެވެ. ޤާސިމް އަޅުގަނޑާ އަރާހަމަވުމުން ތެދުވެފައި ޤާސިމުގައިގައި އޮޅުލައިގަނެފައި ބައްދާސަލާމް ކުރީމެވެ. ޤާސިމަށް ބާރަށް ރޮވުނެވެ.
ޤާސިމް ހުންނެވީ ފަލަވެ މީހާދުޅަވާގޮތް ވެފައެވެ. ކަރުއަނބުރައިގެން ފަރާތްފަރާތް ނުބެލޭގޮތަށް ކަރުގައި ފާޑެއްގެ އެއްޗެއް އަޅުވާފައި ހުއްޓެވެ. އަޅުގަނޑަށް ވެސް، މިމަންޒަރު ފެނިފައި ވަރަށް އަސަރުކުރިއެވެ. ދެރަނުވާށޭ، ޢަޒުމް ވަރުގަދަކޮށް އަބަދުވެސް، ﷲ ހަނދާންކޮށް ހިތްވަރުކުރާށޭ ދެންނެވީމާވެސް ގިސްލާފައި ޤާސިމަށް ރޮވެނީއެވެ. މިވާއެއްޗެއް އަޅުގަނޑަށް މުޅިން އޮޅިއްޖެއެވެ. ދެން ޤާސިމް އުޅުއްވަނީ ބިރުންނެވެ. ވާހަކަނުދައްކާ އަވަހަށް އިލްޔާސް ދުރަށްދާށޭ ވިދާޅުވެއްޖެއެވެ. ބައްދައިގެން ހުރިއިރުވެސް ޤާސިމް ހުންނެވީ ބިރުންކަން އެނގެއެވެ. މީހާތުރުއަޅައެވެ.
އުޅުއްވަނީ އަވަހަށް ސިފައިންގެ މީހާއާއެކު އަޅުގަނޑު ފޮޅާލާފައި ވަޑައި ގަންނަވާށެވެ. އަޅުގަނޑު ދެންނެވީމެވެ. ތިޔަހުންނެވީ ކިހިނެއް ވެފައި ހެއްޔެވެ؟ އަދި ސިފައިންގެ އޮފިސަރާ ދިމާއަށް ތިޔަބޭކަލުން ޤާސިމަށް ކިހިނެއްހެދީހޭ ސުވާލުކުރީމެވެ. ޤާސިމަށް ގިސްލުމާއެކު ހަމަ ރޮވެނީއެވެ. ތިޔަބޭކަލުން ޤާސިމަށް މިޙާލު ނުޖެއްސި ނަމަ، އަދިވެސް ޤާސިމު ހުންނެވީހީ އުޖާކޮށް ރީތިކޮށް ކުރިންވެސް ހުންނެވި ގޮތަށެވެ. ޤާސިމަށް މިޙާލުޖެއްސީ ތިޔަބޭފުޅުންނެވެ. އަޅުގަނޑަށް މިހިރީ ޤާސިމު ފެންނާށެވެ. ކުރިމަތީގައެވެ. ތިޔަބޭފުޅުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެއެވެ. ޤާސިމުގެ ޢާއިލާއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ.
މިވާހަކަތަކާހެދި އަޅުގަނޑު ގެންގޮސް ބޭންދީ މީހަކު ނުފެންނަ ހިސާބުގައެވެ. އަޅުގަނޑު ގެންދިޔަ މަގުމަތީގައި އޮފިސަރާ ދިމާއަށް ވަރަށް އެއްޗެހިކީމެވެ. ދެން އޭނާބުނީ ޤާސިމުގައިގާ ތަޅާއި އަނިޔާކޮށް ނުހަދާ ކަމަށެވެ. ޤާސިމުގެ ހިތްބަލި ކަމުން މާއަވަހަށް އަސަރު ކުރަނީއެވެ. ރޮވެނީއެވެ. މިއޮފިސަރާ ދިމާއަށް އަޅުގަނޑު ދެންނެވީމެވެ.
ރީތިކޮށްހުރި މީހަކު އެހެރީ، ތިޔަބޭކަލުން ހަލާކުކޮށް ލާފައެވެ. އަޅުގަނޑު މާދުރަށް ގެނެސް ވަކިންތިޔަ ބޭންދީ ކީއްވެގެންތޯ ސުވާލުކުރުމުން އެއޮފިސަރު ބުނެދެއްވީ، އިލްޔާސް މެން މީސްމީހުންނާ ސަލާމްކޮށް ގޮތްގޮތަށް ވާހަކަދައްކާ ހެދީމާ އެމީހުން ހިތުގައިޖެހި މާބޮޑަށް އަސަރު ކުރަނީއެވެ. ދެރަވަނީއެވެ. ރޮވޭތީ އެހެންވެ ނުފެންހިސާބަށް ގެނެވުނީކަމަށެވެ.
ދެން އެރެއަކު ތަޙްޤީޤުގައި އެއްގޮތަކަށް ވެސް، ޤާސިމައި ވާހަކައެއް ނުދެއްކެއެވެ. އެހެންވެ މިއަށްފަހު، ޤާސިމް ނުފެންނަގޮތަށް އަދި އެހެން ގައިދީއަކު ވެސް ނުފެންނަގޮތަށް ދުރުގައި އަޅުގަނޑު ގެންގޮސް ވަކިން ބޭންދީއެވެ. މިއީ އޯޑަރުއައި ގޮތެވެ. މިރޭ ބޭރުގައި އިންއިރު އިރުއިރުކޮޅާ ގައިދީން ނެރޭތަން ފެނުނެވެ. އެންމެންގެ ވެސް ބަޔާންތައް ނިންމާލަން އެޅެނީކަމަށް ލަފާކުރެވުނެވެ. ޑޮކްޓަރ ޙުސައިން ވެސް ނެރެގެން ގެންގުޅެނިކޮށް ފެނުނެވެ.
"ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު އަމަލުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި" ގިނަބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރައްވާ މައްސަލައިގެ ތަޙްޤީޤު ނިމުމަކާ ހަމައަށް އައިސްފައި ވާކަމަށާއި ވަރަށްއަވަހަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާނެ ކަމަށް އަންގަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ބަޔާނެއް ނެރުނެވެ.
މިކަންމިކުރެއްވީ ބައިނަލް އަޤްވާމީ މުޖްތަމަޢަށް ތަޙްޤީޤުތައް ނިމިއްޖެކަން ދެއްކުމަށެވެ. އެހެނަސް އަދި ގިނަމީހުންގެ ބަޔާންތައް ނުނިމެއެވެ. އަވަސް ކުރުމަށް ޖަލުތެރޭގައި މިކަންތައް ހިންގަމުން ގެންދެއެވެ. ކޮންމެއަކަސް މިއިއުލާނަކީ އެމެރިކާއަށާއި އީޔޫއަށް ދައްކާލި ކުލަގަދަ އަނދުން އެޅުވުމެކެވެ.
ދޫނިދޫ ޖަލުގައި ހައްޔަރުގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ ކަންތައްތަކަކާ ގުޅިގެން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ވަރަށް ހެދުނާ އެޑްމިޓް ކުރެވުނެވެ. ކަންދިމާވި ގޮތުން އިބުރާއައި އެމެރިކާ ސަފީރާ ޖަލުން ބައްދަލު ނުވީއެވެ. ފުލުހުންނާއި ސިފައިންނަށް މިއަދު އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތްކަން އެނގޭތީ، އިބުރާ ޖަލުން ބޭރުކޮށްލީ ކަމަށް ބެލެވެއެވެ.
7 އޮކްޓޯބަރ 2004 ވީ ބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 56 ވަނަ ދުވަހެވެ. މިއަދު އިރުއޮއްސުނު ފަހުން ތަޙްޤީޤަށް ނެރުނެވެ. ހުރިހާ ރަފްބަޔާންތައް އެއްބަޔާނަށް ހެދުމަށް ފަހު، އޮތީރީތިކޮށް ޓައިޕްކޮށް، 4 ކޮޕީހަދާފައެވެ. ކޮންޕިއުޓަރ ޕްރިންޓެއް އަޅުގަނޑު ކިޔާލަން ދިނުމުން ގިނައިރު ނަގައިގެން މަޑުމަޑުން އެބަޔާން އެއްކޮށް ކިޔައި ނިންމައިފީމެވެ. އަމިއްލައަށް ލޮޔަރުކަން ކުރާތީ ކޮންމެޖުމްލަ އަކަށް ވަރަށް ވިސްނީމެވެ. ބައެއް އިސްލާހުތައް ފާހަގަކުރެވިގެން އެތަންތަން އިސްލާހު ކުރެއްވުމުން ސޮއިކޮށްލެވި ދާނެކަމަށް ބުނެފީމެވެ.
ދެން ބޭރުގައި ބައިންދާފައި އިރުކޮޅަކަށް ފަހު، ގޮވައި ގެނައިއިރު އެބަޔާންއޮތީ އިސްލާހުކޮށް އަލުން، 4 ކޮޕީހަދާފައެވެ. މިކަންކުރުމަށް ތިއްބެވީ ޝާމް އާއި ޝާމީމް އެވެ. އަލީ އަޙްމަދާއި ނަވާޒެއް ނެތެވެ. ބަޔާންތައްޔާރު ކުރެއްވި އިސްދެމީހުން ނެތަސް ރަނގަޅަށް ކިޔާލުމަށްފަހު، 4 އަސްލުގައި ވެސް ސޮއިކޮށް ނިންމާލީއެވެ. ޖުމްހޫރީ މައިދާނަށް ދިޔަކަން ސާބިތުވާ ގޮތަށެވެ. ރަފްބަޔާނުގައި ކުރިންލިޔެފައި އޮންނާނީ ފޯނުކޯލެއް އައުމުން، އަޅުގަނޑާއި އެހެން މެމްބަރުން ބޯގަންވިލާއިން ނުކުމެގެން ސިފައިންގެއަށް ދިޔަކަމަށެވެ.
ފަހުން އިސްލާހުކުރީ ސިފައިންގެއަށް ދިޔަކަމަށް ލިޔެފައޮތްތަނުގެ ބަދަލުގައި ޖުމްހޫރި މައިދާނަށް ދިޔަކަމަށެވެ. މިގޮތަށް އެއްބަސްވީ ގަސްދުގައެވެ. އަދި ޖުމްހޫރީ މައިދާނުގައި އަނެއްދުވަހު ހުކުރު ނަމާދު ނިމެންދެން އަޅުގަނޑު ޢަމަލީގޮތުން އުޅެފައިވާތީއެވެ. ޙުކުމެއް އިއްވިޔަސް ހެޔޮކަމަށް އެއްބަސްވެ، ސޮއިކޮށް ނިންމާލީ މިގޮތަށެވެ.
އޭރުގަޑިން ޖަހާނީ އިރުއޮއްސި، 8 ކެވެ. ބަޔާން ނިންމާލުމަށް ތަޙްޤީޤު ޓީމުން މަސައްކަތް ކުރަމުން ގެންދެވީ ވަރަށް އަވަސް އަރުވާލާފައެވެ. އަސްލު ބަޔާންނެގި މީހުންނެތީހެވެ. ބަންޑާރަ ނައިބު އޮފީހުން، ސްޓޭޓް އެޓަރނީންގެ ގޮތުގައި ވަޑައިގެން އުޅުއްވާ، ނާޝިދު އާއި ރޭނިސް ސަލީމް ވެސް ހީވަނީ މިކަންނުނިމިގެން އެހެންކަމެއް ހެނެވެ.
ޙަޤީޤަތަކީ މިބޭފުޅުންނަކީ ދައުލަތުން ދައުވާ އުފުލުމަށް ޚާއްސަ ވެގެން ތިއްބަވަންޖެހޭ، ދައުލަތުގެ ވަކީލުންނެވެ. ބަޔާންތައް އޮފުކޮށް ޕޮލިޝްކުރުމަށް މިބޭފުޅުން ތަޙްޤީޤު ޓީމުތަކާއެކު ޖަލުގައި އުޅުއްވުމަކީ ކަނޑައެޅިގެން ގޯހެކެވެ. މިދެމީހުން އަވަހަށް އިލްޔާސް ލައްވާ، ނަވާޒުމެން ނެތަސް ސޮއިކޮށް ލުވާށޭ ބުނުމުން މިކަންތައް ޝާމީމެން ބާރަށް ކުރިޔަށް ގެންގޮސް ނިންމާލީއެވެ. ޝަރުޢީކޯޓަށް ޝަރީޢަތް ކުރުމަށް ގެންދާދުވަހަކުން މިވާހަކަ ކިޔައިދޭން އަޅުގަނޑު ހިތުލީމެވެ.
އަޅުގަނޑު ލައްވާސޮއި މިކުރުވީ ބަޔާންނެގި މީހުންނެއް ނޫނެވެ. ބަޔާނުގައި ނަންތައްވެސް ނެތްބައެކެވެ. މިމީހުން މިކަންކުރިގޮތުން މިއުޅެނީ ކޮންމެވެސް ނުބައިކަމެއް ހިންގައިގެންނޭ އަޅުގަނޑުގެ ހިތަށް އޭރުވެސް ވަނެވެ. މިހާހިސާބުން ބަޔާނުގެ ހަތަރު އަސްލުގައި ސޮއިކޮށް ނިމުނީއެވެ. ދެންގެންގޮސް ގޮޅިއަށް ލައިފިއެވެ. އެކިގައިދީން ނެރެގެން ތަޙްޤީޤަށް ގެންދާތަން ފެނެއެވެ. ޖަލުތެރޭގައި ކޮންމެވެސް ކަންތައް ގަނޑެއް އަވަސް އަރުވާލާފައި ހިންގަމުން ގެންދާކަން އެނގެއެވެ.
ދަންވަރު، އެކެއްޖެހިތަނާ އަނެއްކާވެސް ގޮޅިން ނެރެގެން ތަޙްޤީޤަށް ގެންދިޔައެވެ. އެދުނީ ލިޔުމެއް ދައްކާލާފައި އޭގައި ސޮއި ކުރުމަށެވެ. މިލިޔުން ބަލައިލިއިރު ލިޔެފައިއޮތީ އަންގަންޖެހޭ އެންގުމެއް އަންގަނީ ކަމަށެވެ. ތިއްބެވީ، އަޅުގަނޑުގެ ބަޔާންނެގި ބޭކަލުން ކަމުގައިވާ، އަލީ އަޙްމަދާއި ޢަބްދު ﷲ ނަވާޒެވެ. ޝާމީމެންނެއް ނުފެނެއެވެ.
މިއެންގުމުގައި ލިޔެފައި އޮތީ ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން، ރައީސް މައުމޫނު ހިފޭއްޓެވި ޤާނޫނުތައް މިރެއިން ފެށިގެން ދޫކޮށް ލައްވައިފި ވާހަކައެވެ. އެހެނަސް އަދި މިކަންތައް އާންމުކޮށް އިއުލާނު ނުކުރައްވާ ކަމަށްވެއެވެ. އެކަންއާންމުކޮށް އިޢުލާނު ކުރެއްވި ލިޔުން ނުދައްކައެވެ.
ތިޔައަންގަވާ އެންގެވުމުގެ ލިޔުމުގައި ސޮއިކުރުވުމުގެ ކަންތައް، މިރޭކުރިން ނެރުނުއިރު ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކޮށް، އަޅުގަނޑު މައްސަލަ ޖައްސައިފީމެވެ. އަލީ އަޙްމަދު ބުނުއްވީ އޭރުއެކަން އަދިނޭނގޭ ކަމަށެވެ. އެކަންތައް އެނގުނީ އިލްޔާސް ސޮއިކޮށްފައި ދުރުވި ފަހުންނެވެ. ކަނޑައެޅިގެން މިއީދޮގެކެވެ. މިހެދިގޮތަކީ ލޯޔަރެއްނެތީސް އަވަހަށް އަޅުގަނޑު ލައްވާ ސޮއިކޮށް ލުވީއެވެ. ސޮއިކުރުމުގެ ކުރިން ކާފިއޫ ނަންގަވައި ފިކަން، އަޅުގަނޑަށް އެނގިއްޖެނަމަ ސޮއިނުކޮށް ލޯޔަރައި ބައްދަލުވުމަށް ހިފާލަފާނެތީ މިކަންމިގޮތަށް ރާވާލީއެވެ. މިއީ މިވެރިންގެ ޙީލަތްތެރި އުކުޅެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ.
އަޅުގަނޑުގެ އިންސާނީ ޙައްޤަށް އަރައި ގަތުމެއްކަން ކަށަވަރެވެ. އަޅުގަނޑަށް އޮޅުވާލައިގެން ބަޔާނުގައި އަވަސްއަރުވާލައި ސޮއިކޮށް ލުވީއެވެ. އެހެންނޫން ނަމަ، އަޅުގަނޑު ސޮއިކުރާނީ ލޯޔަރު މުޢިޒުގެ ކުރިމަތީގައެވެ. ލޯޔަރަށް ބަޔާން ދައްކާފައި ސޮއި ކުރުމުގެހުއްދަ ލޯޔަރު ދެއްވީމައެވެ.
މިވާހަކަ މިގޮތަށް އަލީ އަޙްމަދަށް ދެންނެވީމާ، އެހެނެއްނޫނޭ ކިޔާފައި ބަހަނާތަކެއް ދެއްކޭތޯ ވަރަށް މަސަައްކަތް ކުރެއްވިއެވެ. ގިނަވާހަކަ ތަކެއް ދެއްކެވިއެވެ. މިވާހަކަތަކަށް ފަހު، އަޅުގަނޑަށް ދެއްކި އެންގުމުގެ ލިޔުމުގައި ސޮއިކޮށްލުމުން، އަލީ އަޙްމަދު ވިދާޅުވެއްޖެއެވެ. އަލުން ބަޔާންތަކުގައި ވެސް އޭނާގެ ކުރިމަތީގައި ސޮއި ކުރައްވަން ވީނޫންތޯއެވެ. އޭރުން ހުރިހާކަމެއް ހަމަޖެހުނީ ނޫންތޯއެވެ.
ތަޙްޤީޤުކުރި މީހުން ތިބެގެން އެކަން އަލުން ކޮށްލީމާ ނިމުނީ ނޫންތޯއެވެ. ޤާނޫނީގޮތުން ވެސް ރަނގަޅުވެފައި ފުރިހަމަވާނީ އޭރުންނޭ ބުނުއްވައި ފިއެވެ. އަޅުގަނޑު ދަންނަވައި ފީމެވެ. ތިވަރުން މަކަރާއި ޙީލަތް ހައްދަވައިގެން އަޅުގަނޑުގެ ނިދިނަގާ ނުލައްވައި ރިއްޗަށް ތިޔަހުރިހާ ކަމެއް ކިޔައިދިން ނަމަ މާރަނގަޅު ވީހެވެ. ލޯޔަރެއް ނެތަސް އަޅުގަނޑުސޮއި ކުރީމުހެވެ.
ދެން އަލުން ސޮއިކުރަން އެއްބަސް ވުމުން، މިރޭކުރިން ސޮއިކުރި ބަޔާނުގެ، 4 އަސްލު އަޅުގަނޑު ކުރިމަތީގައި ވީދާލާފައި އަލުން ޕްރިންޓް ހައްދައިގެން ގެނައުމުން، 4 އަސްލުގައި އަލީ އަޙްމަދާއި ނަވާޒުގެ ކުރިމަތީގައި ސޮއިކޮށް އިނގިލީގެ ނިޝާންތައް ޖަހައި ނިންމާލެވުނީ ވަރަށް ދަންވީ ފަހުންނެވެ.
އޭރުވެސް އެކިމީސްމީހުން ނެރެގެން އުޅޭތަން ފެނެއެވެ. ނެރެގެން ގެންގުޅުނީ އަޅުގަނޑު އެކަންޏެއް ނޫނެވެ. މިއީ ތަޙްޤީޤު ތެރޭގައި މިބޭކަލުން ގަންނަގަނޑެވެ. ހާވާ ހަޑިއެވެ. އޮޅުވާލާ އޮޅުވާލުމެވެ. އެކިކަހަލަ ޙީލަތްތައް ރާވައިގެން ހަދަނީއެވެ. މިއީ މިބުރުގައި ތަޙްޤީޤުގެ ވާހަކަދައްކާ، 8 ވަނަ ފަހަރެވެ.
މިހާހިސާބުން ތަޙްޤީޤުގެ ހުރިހާކަމެއް ނިމުނީކަމަށް އަލީއަޙްމަދާއި ނަވާޒު އަޅުގަނޑަށް އަންގަވައި އަޅުގަނޑުގެ ކުރިމަތީގައި އެބޭކަލުން ވެސް އަޅުގަނޑުގެ ބަޔާންނެގީ އެބޭކަލުންކަމަށް ސޮއި ކުރެއްވިއެވެ. އަދި ލޯޔަރަކު ބޭނުމިއްޔާ މިހާރު ހަމަޖެއްސިދާނެ ވާހަކަ ބުނުއްވިއެވެ. ބަޔާންނަގާ ނިމުނީމާ ތަޙްޤީޤުގެ މަރްޙަލާއަށް ލޯޔަރެއްގެ ބޭނުން ކެނޑުނީއެވެ. ދެންކޮން ލޯޔަރެއްގެ ވާހަކަ ދައްކާކަށްތޯޯއޭ، އަޅުގަނޑު ދެންނެވީމެވެ.
ދެން، ލޯޔަރެއް މިމަރްޙަލާގައި ބޭނުންނުވާ ކަމަށް ގަނޑެއްގައިލިޔެ އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިހިސާބުން މިމީހުންގެ މަގްސަދު މުޅިން ހާސިލްވީއެވެ. އެހެނަސް އަޅުގަނޑުގެ ލޯޔަރ މުޢިޒުއޮތީ ކުރިން ސިޓީއެއް ލައްވާފައި ކަމުން އެކަންއޮތީ ހަމަޖެހިފައިކަން އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަންހެނުންނާ ބައްދަލުވި ދުވަހު އެވާހަކައޮތީ ބުނެފައެވެ. ކޮންމެހެނެއް ވިޔަސް ތަހްޤީޤުގެ ހުރިހާކަމެއް ނިމުނީމާ މިރޭވަރަށް އުފާވިއެވެ.
އަޅުގަނޑުގެ ބަޔާނުގައި އޮންނާނީ، މިއަދުގެ ތާރީޚެވެ. އެއީ އޮކްޓޯބަރ ހަތެކެވެ. އެހެނަސް މިހާރު މިވަނީ، 8 ވަނަ ދުވަސް ފެށިފައެވެ. އަޅުގަނޑު ގޮޅިއަށް ގެންދިއުމުގެ ފަހުން ވެސް އެކިމީސްމީހުން ނެރެގެން ސޮއިކުރުވާ ހެދިއެވެ. މިއަދު ހަވީރު، ޖަލުގެ މިބައިން، ޢަލީ ޢަބްދު ﷲ (އަލިބެ) މާލެ ގެންދިޔައެވެ. ބޭރުބައި، 2 ނަމްބަރު ޖަލުންވެސް މީހަކު ގެންދިޔަ ކަމަށް ޚަބަރު ލިބުނެވެ.
8 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 57 ވަނަ ދުވަހެވެ. ދޫނިދޫ ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އިބްރާހީމް ޙުސައިން ޒަކީއަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ މައްސަލަތަކަކާ ގުޅިގެން މާލޭ އައިޖީއެމްއެޗްގައި މިއަދު އެޑްމިޓް ކުރެވުނެވެ. ޖަލުގައި ތިއްބެވި ބޮޑުންގެ ގިނަބޭފުޅުންތައް ބަލިވާގޮތާ ގުޅިގެން އެކިކަހަލަ ޝައްކުތައް ޖަލުތެރޭގައި އުފެދިފައި ވެއެވެ. ގިނަމީހުންނަށް ފުރަތަމަވާ ގޮތަކީ މާއަވަހަށް ހިތަށް އަސަރުކޮށްފައި ދެރަވެ ގިސްލެވޭގޮތް ވަނީއެވެ.
ޤާސިމާއި އިބުރާ އާއި ޒަކީވަނީ އެބަލީގެ ޝިކާރާގައި ބަނދެވިފައެވެ. އިބުރާ މިބުރުގައި އިތުރަށް އަނބުރައި ގަނެގެން ގޮޅިތެރެއަށް ވެއްޓުނެވެ. ކުރީފަހަރަކު ޖަލުގައި ހުރިއިރު މިކަހަލަ ޝައްކެއް ކުރެވުނުފަހުން އަޅުގަނޑު ކޮފީސައިބޮއި ހަދަނީ ވެސް ހޫނުފެނާއި ސައިފަތާއިހަކުރު ވަކިން ދިނީމާ އަމިއްލެއަށް ގިރައިގެންނެވެ. ހުރިހާއެއްޗެއް ހުންނަން ޖެހޭނީ އަޑިއެނގޭގޮތަށް ވަކިންނެވެ. ހަކުރަށް ހުންނަންޖެހޭނީ ޑައިބެޓިކް ޝުގަރ ފެކެޓެވެ. މިމީހުން ފާޑެއްގެ ކުނޑިއެއް އެއްކުރާކަމުގެ ހީތަކާއި ވާހަކަތައް ވަނީ ފެތުރިފައެވެ.
9 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 58 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު ދޫކޮށްލި ޚަބަރު މިއަދު ލިބުނެވެ. އެއީ ކޮންބައެއްކަމެއް ސާފެއް ނުވިއެވެ.
10 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 59 ވަނަ ދުވަހެވެ. ޖެނީ އާއި އައިންތު ނަޖީބާއި މަރިޔަންމަނިކެއައި ބައެއް އެހެން ގައިދީނާއި، މިއަދު އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބޭފުޅުންނާ ބައްދަލު ކުރިއެވެ. އަދި ރޭގަނޑު ވަގުތެއްގައި އަޅުގަނޑުމެން އެންމެން ނެރެފައި، ޤާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން ހިންގެވި، ކުއްލި ނުރައްކަލުގެ ޙާލަތު ރަސްމީކޮށް މިއަދު އިރުއޮއްސި، 6 ން ފެށިގެން އުވާލައްވައި ފިކަން އަންގައި ސޮއި ކުރުވިއެވެ. އަޅުގަނޑު މެންލައްވާ ބަޔާންތަކުގައި ސޮއި ކުރުވީ ރަސްމީކޮށް ކާފިއޫ އުވާ ނުލައްވަނީސް އޮޅުވާލައި ގެންކަން މިޢަމަލުން ސާބިތުވެއެވެ.
ވަކީލެއްގެ ކަންތައް ހަމަޖެއްސިދާނޭ މިރޭވެސް އެންގިއެވެ. ތިޔަކަމާ އެއްޗެއް ދަންނަވަން އެނގޭނީ އަންހެނުންނާ ވާހަކަދައްކާ ލެވުމުންނޭ ދެންނެވުމުން ގެއަށް ގުޅުމުގެ ކަންތައް ހަމަޖައްސައި ދެއްވިއެވެ. ގެއަށް މިބަހަނާގައި ފޯނުކޯލެއް ދެއްވުމުން އަންހެނުން، ރުކާ ވާހަކަ ދައްކާލާ ހެދުމަށް ފަހު، އަންހެނުންގެ ފަރާތުން ލޯޔަރުއަހްމަދު މުޢިޒު އޮތީ ހަމަޖެހިފައިކަން އެނގުމުން ކުރިންވެސް ދެންނެވި ފަދައިން ދެން ލޯޔަރެއްގެ ބޭނުމެއްނެތޭ ދެންނެވީމެވެ. އެހެނަސް އަލުން އެކަން އެގޮތަށް ލިޔެފައި އަޅުގަނޑު ލައްވާ ސޮއިކުރުވިއެވެ. މިވެސް އޮޅުވާލުމެވެ. މިބަހަނާގައި ގެއަށް ގުޅާލައި ކުދިވެރިންގެ ޙާލުއޮޅުން ފިލުމުން ވަރަށް އުފާވިއެވެ. ދެކުދިންނާއި އަންހެނުންގެ ޙާލުމުޅިން ރަނގަޅެވެ.
ރަސްމީކޮށް ކާފިއޫ އުވާލައްވައި އިޢުލާނު ކުރެއްވި، ތާރީޚު އަޅުގަނޑަށް އަންގައި ލިޔުމުން ބޭއްވުމުގެ ގޮތުން ކޮށްލެއްވި ކަމެއްކަން އަޅުގަނޑަށް ވިސްނުނެވެ. އަދި ބަޔާނުގައި ސޮއި އޮންނާނީ މިތާރީޚުގެކުރީ ތާރީޚަކަށް ހަދާލެއްވީއެވެ. އޭރުން ބަޔާންނެގުމުގެ ހުރިހާ ކަމެއް ނިމިފައި އޮންނަނީ، ލޯޔަރެއްގެ ބޭނުންހިފުމުގެ ޙައްޤު ހިފޭއްޓިފައި އޮތްދުވަސް ވަރުގައެވެ.
މިގޮތަށް ހުރިހާ ގައިދީން ނެރެގެން ސަރުކާރުން، ކާފިއޫ ނަންގަވައިފި ކަމަށް އަންގައި ސޮއިކުރުވިއެވެ. ސަރުކާރުން މިކަން ނެންގެވުމަށް ކުރެއްވި އިޢުލާނުގެ ކޮޕީއެއް މިރޭ އަޅުގަނޑު މެންނަށް ސިފައިން ދެއްކިއެވެ. މިރޭވެސް އެންމެން ވަކިވަކިން ނެރެގެން މިއެންގުން އަންގާ ނިމުނުއިރު ދަންވަރު، 1:30 ހިނގައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އިޢުލާނު ކުރެއްވި، "ކުއްލި ނުރައްކަލުގެ ޙާލަތު" 58 ދުވަސްފަހުން މިއަދު އުވައި ލެއްވިއެވެ. މިކަން އާންމު ކުރައްވައި ހޯމް މިނިސްޓްރީން ނެރުއްވި އިޢުލާނުގައިވަނީ މިފަދައިންނެވެ.
"ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫގު އަސާސީގެ، 144 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުން، މާލެއާއި މާލެ ކައިރި ސަރަޙައްދަށް، 13 އޯގަސްޓް 2004 ވީހުކުރު ދުވަހު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އިޢުލާން، މިއަދު އޮކްޓޯބަރ 10 ވީއާދީއްތަ ދުވަހުރޭ، 6:00 އިން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ވަނީ އުވާލައްވާފައެވެ."
ގިނަބަޔަކު މާލެ ގެންދިއުން:
11 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 60 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. ގިނަބަޔަކަށް މާލެދާން ތައްޔާރު ވެގެން، 11:30 އަށް ތިބުމަށް ލޭޑީ ވަޑައިގެން އެންގެވިއެވެ. މާލެ ދިއުމަށް ތައްޔާރުވުމަށް އެންގި މީހުންނަކީ، އަބްޖީ އާއި ޒުހައިރާ، އާންޓީ އާއި މަރިޔަމްމަނިކެ (އީވާން ނަސީމް މަންމަ) އާއި މާނީ ލަޠީފު (ގޯގޯ ލަޠީފުގެ ދަރިފުޅު) އާއި ނައުޝާދު ވަހީދެވެ.
މިމީހުންނަށް މާލެއަށް ދެވޭތީ އަޅުގަނޑުމެން އެންމެން އުފާކުރީމެވެ. މިއަދަކީ އެއްފަހަރާ އެންމެގިނަ މީހުން މާލެ ގެންދާދުވަހެވެ. މީގެކުރިން ޢަލީ އަބްދު ﷲ އާއި އުނިމާގޭ ޢާދިލް އާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމް ވަނީ ދެދުވަހެއްގެ މަތިން މާލެ ގެންގޮސްފައެވެ. އަބުޖީ ގެންދިއުމުގެ ކުރިން އަޅުގަނޑު އަބުޖީއާ ވާހަކަ ދައްކާލީމެވެ. އަބުޖީ ހުންނެވީ އުފަލުން ގޮސް ރޮވިފައެވެ. މިވާހަކަތަކު ތެރޭގައި އަޅުގަނޑު ވެސްހުރީ ފެންކަޅި ވެފައެވެ.
ޟުޙާނަމާދު ގަވައިދުން ކުރަން ފެށުން:
އަބުޖީ އަޅުގަނޑާ ވަކިވަމުން ހަނދާންކޮށްދިން ވަޞިއްޔަތަކީ، ޟުޙާނަމާދު ދާއިމީކޮށް ކޮންމެ ދުވަހަކު އިރުއެރުމުން، ކުރަމުން ގެންދިއުމަށެވެ. އަޅުގަނޑު ކޮންމެދުވަހަކު ދާއިމީކޮށް ޟުޙާނަމާދު ކުރަންފެށީ އަބުޖީގެ މިނަޞޭޙަތަށެވެ. މުޅި އުމުރަށް ޟުޙާނަމާދު ކުރުމަށް އެދުވަހު އަޅުގަނޑު ނިޔަތްގަތީމެވެ. މިކަމާ އަބުޖީއަށް އަބަދުވެސް ޝުކުރުވެރި ވާންޖެހެއެވެ. މީހުންނެރުމުގެ ކަންތައް، ލޭޑީ ކުރެއްވީ ވަރަށް ލުއިދެއްވައި ގެންނެވެ. ސަލާންގަލަންކޮށް ވާހަކަދެކެވޭ ގޮތަށެވެ.
އަޅުގަނޑު މެންނަށް ވާހަކަދައްކާ ހެދުމުގެ ހުއްދަވަނީ ހުޅުވާލާފައެވެ. މިއެންމެން ގެންދިއުމުން ޖަލުތެރެ ވަރަށް ހަމަހިމޭން ވެގެންދިޔައެވެ. ހަވީރު ޖަލުއޮފީހުގައި ލޭޑީގެދަށުން މަސައްކަތް ކުރައްވާ، ނަޞީރު ދުރުވެ މިބައި (އެއް ނަމްބަރުޖަލު) ގެ ފަހަތުން ހަދާނިމުނު ގޮޅިތަކުން ގޮޅިއަކަށް މިއަދު އިލްޔާސް ބަދަލުވާން ޖެހޭނެކަމަށް އަޅުގަނޑަށް އެންގެވިއެވެ. އަޅުގަނޑު އާދޭހޭ، ދެންނެވީމެވެ.
ދޫނިދޫ އެއް ނަމްބަރު ޖަލުގައި، 29 ގޮޅި ހުރެއެވެ. އަޅުގަނޑުމެން ބަންދުކުރުމާ އެކުހެން ފުރަތަމަ ދެބަރީގައިހުރި ގޮޅިތައް މަރާމާތުކުރަން ފަށައިފިއެވެ. ފަހަރަކު މަރާމާތަށް ފަށަނީ ބަރިއެއް ނުވަތަ ދެބަރިއެވެ. ކުރީގެގޮޅިތައް މަރާމާތު ކުރަންފެށީ، ފަހަތުގައި އަލަށް ހެދިގޮޅިތައް ހަދާނިމުމުންނެވެ. އަލަށްހެދި ގޮޅިތައް ނިމިގެން މިއަދަކީ އެގޮޅިތަކަށް ގައިދީން ވައްދާ ދުވަހެވެ.
މިއަދަކީ އެކަން ދައުރުވަމުން އައިސް އަޅުގަނޑާ ޖެހުނުދުވަހެވެ. އަޅުގަނޑު ގެންގޮސްލީ އެންމެފަހަތު ބަރީގައިހުރި، 26 ވަނަ ގޮޅިއަށެވެ. މިއީ އަލަށްހެދި ގޮޅިތަކުން ގޮޅިއެކެވެ. 1 ނަމްބަރު ޖަލުގައި ގޮޅިތައް މިހާރުހުންނަނީ މިދަންނަވާ ތަރުތީބުންނެވެ. ފުރަތަމަ ބަރީގައި އެއްގޮޅިއެވެ.
އެއީ އެންމެއިސްކޮށް ހުރިހާ ބަރިއެއްގެ މެދަށް ވާގޮތަށް ކުރިމަތީގައި ހުންނަ، އެއް ނަމްބަރު ދީފައިވާ ގޮޅިއެވެ. ދެން ދެވަނަބަރީގައި ހުންނަނީ، ދެއަކާއި ތިނަކާއި ހަތަރަކާއި ފަހެއް، މިހަތަރު ގޮޅިއެވެ. ދެން ތިންވަނަ ބަރީގައި ހުންނަނީ، ހައެއް، ހަތެއް، އަށެއް، ނުވައެއް، އަދި ދިހައެއް، މިފަސް ގޮޅިއެވެ. ދެން ހަތަރުވަނަ ބަރީގައި ހުންނަނީ، އެގާރަ، ބާރަ، ތޭރަ، ސާދަ، ފަނަރަ، ސޯޅަ، ސަތާރަ، އަށާރަ، އަދި އޮނަވިހި، މިނުވަ ގޮޅިއެވެ. ދެން ފަސްވަނަބަރި، އަދި އެންމެފަހު ބަރީގައި ހުންނަނީ، 20 ން ފެށިގެން، 29 އާހަމައަށް، 10 ގޮޅިއެވެ.
އެއް ނަމްބަރު ޖަލުގެ މިގޮޅިތަކު ތެރޭގައި އެންމެ ރަނގަޅު ގޮޅިތައް ހުންނަނީ، 4 ވަނަ ބަރީގައެވެ. ހުރިހާ ގޮޅިއެއްގެ ބޮޑުމިނަކީ، 8 ފޫޓު، 8 ފޫޓެވެ. އެހެނަސް މިބަރީގައި ފާޚާނާ ހުންނަނީ ގޮޅީގެބިތާ އެއްވަރަށް، 8 ފޫޓަށް ދަމާލާފައެވެ. ފުޅާމިންވެސް ހަތަރުފޫޓު ހުންނާނެއެވެ. އެއްކޮޅުގައި ވެންވަރާތަނެވެ. އަނެއްކޮޅުގައި ފާޚާނާކުރާތަށި ބަހައްޓާފައެވެ.
ދޮރުމަތީގައި އޮންނަ ފެންޑާކޮޅު ވެސް ގޮޅީގެ ފުޅާމިނަށް، 8 ފޫޓަށް އޮވެއެވެ. އަދި ތަޅުންކޮޅުގެ ފުޅާމިން ތިންފޫޓު ހުންނާނެއެވެ. ގޮޅީގެ ދޮރުހުޅުވައި ދިނުމުން މިތަޅުންކޮޅު ވަރަށް ފުރިހަމައަށް ބޭނުން ކުރެވުނެވެ. ކަސްރަތު ކުރެވެއެވެ. ކާންމޭޒު ބަހައްޓައިގެން އިނދެވެއެވެ. ސަރަންފީ ގޮނޑީގައި ފޮތާއި ނޫސްފަދަ ތަކެތިލިބުމުން ކިޔާލަން އިނދެވެއެވެ.
އަދި ގޮޅީގެ ބޮޑުދޮރު ކައިރީގައި ކުރިމަތި ބިތުގައި ، 4 ފޫޓު، 4 ފޫޓުގެ ދަނގަޑުތޭރި ލެއްވި ބާގަނޑު ދޮރެއްހުރެއެވެ. މިބާގަނޑު ހުންނާތީ ވަރަށް ވައިވަދެއެވެ. ފަސްވަނަ ބަރިވެސް ހުންނަނީ މިކަހަލަ ގޮތަކަށެވެ. ފާޚާނާ ހުންނަނީ، 4 ފޫޓު، 4 ފޫޓަށް ކުޑަކޮށެވެ. ގޮޅީގެ ކުރިމަތީ ފެންޑާ އޮންނަނީ، 4 ފޫޓުދިގުކޮށް ފުޅާކޮށް ދެފޫޓަށެވެ. ތަންކޮޅެއް ކުޑަކޮށެވެ. އެނދަށް އަށްޓެއް އަދި އަލަމާރިއަށް ހަރުގަނޑެއް ކޮންކުރީޓު ކޮށްގެން ހަދާފައި ހުއްޓެވެ. ކޮންކުރީޓު މޭޒަކާއި ކޮންކުރީޓު ތަނބު ބުރިއެއް އިށީނުމަށްހުރީ ހަދާފައެވެ.
މިފަހަރުގެ މަރާމާތުގެ ބުރުގައި ކުރަމުން ގެންދިޔައީ، ގޮޅީގެ އެތެރޭގެ މިކަހަލަ މަސައްކަތެވެ. އެތެރެއާއި ބޭރުން ކުލަލާ އާކޮށް ހެދިއެވެ. މިގޮތަށް ކޮންކުރީޓުން އެނދަށް ބޭނުންކުރާ އަށްޓާއި މޭޒާއި ގޮނޑިއާއި ކަބަޑްހެދުމުން ގޮޅިތެރޭގެ ޖާގަވަނީ ގެއްލިފައެވެ.
އަށީގައި ސިންގަލް ގޮދަޑިއެއް ބޭއްވީމާ ގޮދަޑިން ދިގުމިނުގައި ކައިވަތެއްވަރު އަށިން ބޭރުވެފައި ހުރެއެވެ. ވިއްސާރަ ދުވަސްވަރު ގޮދަޑީގެ ދަށްފުށް އޮންނަނީ ފިނިހިފައި ތެމިފައެވެ. އަވީލަން ޖެހިފައެވެ. ގޮޅީތެރޭގައި ކުރިންހުރި ތަނަވަސްކަން މިހާރުވަނީ މުޅިން ގެއްލިފައެވެ. ހުސްތަނުގައި ކުނަލެއް ރީތިކޮށް އަޅައެއް ނުލެވެއެވެ. ޤިބްލަ ހުންނަގޮތުން ނަމާދަށް ހުންނަން ޖެހެނީ ވަރަށް އުނދަގޫ ގޮތަކަށެވެ.
އަދި ޢަމުދުން ސްޓޭންޑް އެނބުރޭ ފަންކާއެއް ގޮޅީތެރޭގައި ގެންގުޅޭއިރު ހުސްތަންކޮޅެއް ގޮޅީތެރޭގައި އެއްގޮތަކަށް ވެސް ނޯވެއެވެ. ޖާގައިގެ ގޮތުން ވަރަށްދައްޗެވެ. އެއްވަނަ ބަރިއާއި ދެވަނަ ބަރީގައި ތޭރިލެއްވި ކުޑަދޮރު ބާގަނޑެއް ނުހުރެއެވެ. ފާޚާނާ ބައިގައި ހުންނަނީ ވައިވައްދަން އިސްކޮޅާ އެއްހަމައެއްގައި ހަތަރު އެސްލޯނު ހޮޅީގެ ހަތަރު އިންޗީގެގުދު ފާރުގައި ވަޅުލާފައެވެ. ގުދުތެރެއިން ބޭރުނުބެލޭގޮތަށެވެ.
ފާޚާނާއަށް އަލިކަމެން ނުވަތަ ވައިކޮޅެއް ވަންނަންހުރީ މިހަތަރު ލޯވަޅެވެ. އަލިކަން ރޭގަނޑާއި ދުވާލު ހުންނަލެއް ކުޑައެވެ. ރޭގަނޑު އަލިވާން އިންނަނީ ބޭރުގައި އިންނަ ކުޑަބޮތްކެއް އެކަންޏެވެ. ގޮޅީގެ ކުރިމަތީގައި ހުންނަ ތޭރިލެއްވި ހަތަރުފޫޓު ހަތަރުފޫޓުގެ ބާގަނޑު ހުންނަނީ ހަމައެކަނި، 4 ވަނަ ބަރީގައާއި، 5 ވަނަ ބަރީގެ ގޮޅިތަކުގައެވެ.
ފަހުން އިބުރާހުރީ، 11 ނަމްބަރު ގޮޅީގައެވެ. ކުރިން، 2 ނަމްބަރު ގޮޅީގައެވެ. ޝައިޚް ފަރީދު ކުރިންހުންނެވީ، 3 ނަމްބަރުގައެވެ. ފަހުން، 12 ނަމްބަރުގައެވެ. ފުރަހަނި ޝުޢައިބު ކުރިން، 26 ނަމްބަރުގައެވެ. ފަހުން، 3 ނަމްބަރުގައެވެ. އަދި އޭގެފަހުން، 27 ނަމްބަރުގައި އަޅުގަނޑާ ޖެހިގެންނެވެ.
އަޅުގަނޑު ގެނެސް، 26 ނަމްބަރު ގޮޅިއަށް ވެއްދިއިރު، 27 ގައި އޮންނެވީ ޝުޢައިބެވެ. މިކަމާ އަޅުގަނޑު ވަރަށް އުފާވިއެވެ. ޝުޢައިބާއި އަޅުގަނޑަކީ އަބަދުވެސް މަޝްވަރާކޮށްގެން ކަންތައްކުރާ ދެމީހުންނެވެ. އަޅުގަނޑު މެން ދެމީހުން ސައްލާކޮށްގެން މިތިބެނީ މިރޭގޮތެއް ވާނެކަމަށެވެ. އެމެރިކާ ސަފީރު ވިދާޅުވި ގޮތަށް ބަލާއިރު މާދަމާއަކީ، 12 ވަނަ ދުވަހެވެ. ޚައްސަ މަޖިލީހުގެ ޖަލްސާތައް އަލުން ފެށޭނެ ދުވަހެވެ. މިވާހަކައިގާ ނުނިދާތިއްބައި ލޭޑީ ދުރުވީ، ޢަލީ ފާއިޒު ބަލާއެވެ. އޭރުގަޑިން ރޭގަނޑު، 11:30 ވަރު ވެދާނެއެވެ.
ޢަލީ ފާއިޒު ގެންދިއުމުން، މާލެއަށް ޚާއްސަ މަޖިލީހުގެ، 4 ބޭފުޅަކު ގެންދެވުނީއެވެ. އެއި އުނިމާގޭ އާދިލާއި އެކްސްރޭ ޢާޠިފާއި ނަފާނަސީމާއި އަލީ ފާއިޒެވެ. ޢަލީފާއިޒާއެކު މާލެއަށް އަޅުގަނޑު ނުގެންދިއުމުން، ދެންމިރޭ ނުގެންދާނެކަމަށް ނިންމައި އަޅުގަނޑާއި ޝުޢައިބު ނިދީ ވަރަށް ފަހުންނެވެ. އަޅުގަނޑުގެ ބަޔާން ކުރިން ނަގާފައި އޮތުމުން އެބެލީ ޝަރީއަތަށް ފޮނުވަންކަމަށް ނިންމީމެވެ.
އަޅުގަނޑުގެ ގޮޅިހުންނަނީ ހުޅުވާފައެވެ. ޝުޢައިބުގެ ގޮޅިހުންނަނީ ތަޅުލާފައެވެ. ވަގުތުލިބޭ ވަރަކުން އެގޮޅިއަށް އަޅުގަނޑު ގޮސްހަދަމެވެ. އަޅުގަނޑުގެ ޚާއްސަކޮއްތުން ޝުޢައިބަށް އަބަދުވެސް އެއްބައި ދީ ހަދަމެވެ. އަޅުގަނޑަށް ލިބޭތިންފުޅި ފެނުން ފެންފުޅި ވެސް ދީހަދަމެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތު ޖެހުމުން އެގޮޅިއަށް ގޮސް ބައެއްފަހަރު ޝުޢައުބަށް ގޮވާހަދަމެވެ. ބަންގިހަރުއަޑުން ގޮވާނީ ޝުއައިބެވެ. މިކަހަލަ ކަންތަކާ ފަހުންފަހަށް އައިސް ގާޑުންނަށް ތިބޭ އޮފިސަރުން އަޅައެއް ނުލައެވެ. ބައެއްފަހަރު ގޮޅިހުރަސްކޮށް ހަދާތަން އެމީހުންނަށް ފެނެއެވެ. މައްސަލައަކަށް ނުހަދައެވެ.
12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 61 ވަނަ ދުވަހެވެ. އެމެރިކާ ސަފީރު ވިދާޅުވެ ދެއްވިގޮތަށް، ރައްޔިތުން މަޖިލިސް ކުރާގޭގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް މިއަދު ހެދުނު، 9:00 ގައި ބޭއްވުނެވެ. މިއީ އެޖަލްސާތައް މެދުކެނޑުމަށް ފަހު، އަލުން ފެށުނު ދުވަހެވެ. މިއަދުގެ ޖަލްސާ އޮންނާނެކަން އެންމެފުރަތަމަ އަޅުގަނޑަށް އެނގުނީ އަޅުގނޑާ ބައްދަލުކުރެއްވި އެމެރިކާ ސަފީރު، 12 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނޭ ވިދާޅުވެ ދެއްވާފައި ވާތީއެވެ.
މިޖަލްސާއަށް އަޅުގަނޑު ނުގެންދިޔައީ ހައިޖާނު ހެދުމުގައި އިސްކޮށް އުޅެފާނެތީއެވެ. އަބަދުވެސް އަޅުގަނޑަށް އޮންނަނީ ވަކި ގޮތެކެވެ. އެހެނަސް މިޖަލްސާ ކުރިޔަށް ދިޔައީ ސަފީރު ވިދާޅުވި ގޮތަށް ޖަލުގައި ތިއްބެވި ހުރިހާ މެމްބަރުން އެޖަލްސާގައި ތިއްބަވައި ގެންނެއް ނޫނެވެ. އެޖަލްސާއަށް ހާޒިރުވެވޭގޮތަށް ޖަލުން ދޫކޮށްދެއްވީ، ޢަލީފާއިޒާއި އުނިމާގޭ އަޙްމަދު ޢާދިލާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމެވެ. ޢަލީ ފާއިޒު ގެންދިޔައީރޭ އެގާރަ ޖެހިފަހުންނެވެ. ޖަލުން ދޫކޮށްލި މެމްބަރަކާއި ކުރިން ދޫކޮށްލެވުނު ތިން މެމްބަރުން މިޖަލްސާގައި ބައިވެރިކުރީ އެމެރިކާއިން އެދުނުގޮތަށް ދިވެހި ސަރުކާރުން އަމަލުކޮށްފިކަން ދެއްކުމަށެވެ.
އާދެ! ޖަލުންދޫކޮށް ލެއްވިއިރު، ޢަލީ ފާއިޒު ހުންނެވީ، 24 ނަމްބަރު ގޮޅީގައެވެ. މިއަދުގެ ޖަލްސާއަށް އެއްނަމްބަރު ޖަލުން ދޫކޮށްލެއްވި ބޭފުޅަކީ ޢަލީފާއިޒު އެކަންޏެވެ. ދެން މިޖަލްސާއަށް މިނިވަންވި، 3 ބޭފުޅުން ތިއްބެވީ ދޫނިދޫ، 2 ނަމްބަރު ޖަލުގައެވެ. ޢާދިލް މާލެ ގެންދިޔައީ، ޢަލީ ޢަބްދު ﷲ (އަލިބެ) މާލެ ގެންދިޔަ ދުވަސް ކަމުގައިވާ، 7 ވަނަ ދުވަހުގައެވެ. ނަފާނަސީމާއި އެކްސްރޭ ޢާޠިފު މާލެ ގެންދިޔައީ ލަފާކުރެވޭގޮތުގައި މިމަހު، 8 ވަނަ ދުވަހުގައެވެ. އެހެންވުމާއެކު ޖަލުބަންދުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވޭ ގޮތަށް ދޫކޮށްލެއްވީ، މިދެންނެވި، 4 މެމްބަރުން އެކަންޏެވެ.
ދޫކޮށްނުލައި ޖަލުގައި ބޭތިއްބި މަޖިލީހުގެ މެމްބަރުންނަކީ، އިބުރާ އާއި ޑޮކްޓަރ ޙުސައިނާއި އަޅުގަނޑު، އިލްޔާސް އާއި އަޙްމަދު ޝަފީޤު (ގާދީއްފުށި ސައްޕެ) އެވެ. ސައްޕެ އަދިވެސް ހުންނެވީ، 2 ނަމްބަރު ޖަލުގައެވެ. ދޫނިދޫ ގަނޑުވަރުގައި ތިއްބެވީ، ޤާސިމާއި ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ޙުސައިން ޒަކީއެވެ. މިވީގޮތުން ޖަލުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވުނީ އެންމެ، 4 މެމްބަރުން ނަށެވެ.
އަދިވެސް އަނެއް، 7 މެމްބަރުން ތިއްބެވީ ޖަލުގައެވެ. އެހެންވުމުން މިކަން ވެގެން މިދިޔައީ، އީޔޫއަށާއި އެމެރިކާ ސަފީރަށް ދައްކާލި އޮފްދާރު ދަޅައަކަށެވެ. މިއަދުގެ ޖަލްސާދިޔައީ ފުރަތަމަ ދުވަހުގެ ޖަލްސާ ދިޔަހެން ވަރަށްފޯރި ގަދަކޮށެވެ. މިޖަލްސާއިން ވަކިގޮތެއް ނުނިންމި، ޖެހުނީ އަނެއްކާވެސް ހުއްޓާލާށެވެ.
ޖަލްސާގެ ބާކީބައި އެހެން ދުވަހެއްގައި ކުރިޔަށް ގެންދާގޮތަށް މިއަދުގެ ޖަލްސާ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު ހުއްޓާ ލެއްވީއެވެ. މިއީ ވެސް އޮނަރަބަލް ހަމީދުހެން ރައީސް މައުމޫނުގެ ޕަޕެޓެކެވެ.
އެމްނެސްޓީ ޓީމައި ޖަލުގައި ބައްދަލުވުން:
މިއަދު ހަވިރު ވަގުތެއްގައި އެމްނެސްޓީ އިންޓަރނޭޝަނަލުން މިސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްބޭފުޅާ ކަމުގައިވާ، މިސްޓަރ އައްބާސް އާއި އިތުރު އަންހެން ބޭފުޅެއް އަޅުގަނޑު މެންނާ ބައްދަލުވާން ޖަލަށް ވަޑައިގަތުމުން އުނދޯލިގޭއަށް އަޅުގަނޑު ނެރުނެވެ. މިއީ ވަރަށް އެކަހެރިކޮށް އިތުރު މީހަކުނެތި މިނިވަން ޖައްވެއްގައި ހިނގާދިޔަ ބައްދަލުވުމެކެވެ. ފުލުހުންނާއި ސިފައިންނާއި ޖަލުގެ ފަރާތުން އެއްވެސް ބޭކަލަކުނެތެވެ. ތިބީ އަޅުގަނޑާއި އެދެމީހުން އެކަންޏެވެ. ވަރަށް މިނިވަން ކަމާއެކު ދެފަރާތުގެ ވާހަކަތައް ކުރިޔަށް ގެންދެވުނެވެ.
ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް މިދެބޭފުޅުންނަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އެބޭފުޅުންވެސް ކުރެއްވީ ހަމައެއް ވައްތަރެއްގެ ސުވާލުތަކެވެ. ތަފާތު އާވާހަކައެއް ނާދެއެވެ. އަންހެންބޭފުޅާ އައްސަވައިފިއެވެ. ތިޔަހެންތިބޭއިރު ކިޔާލާނެ ފޮތާއި ނޫސްމަޖައްލާ ލިބޭހެއްޔެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިޔޯފަދަ ތަކެތި އެއްގޮތަކަށް ވެސް ނުލިބެއެވެ. އެއީ މުޅިން މަނާތަކެއްޗެވެ. މިތަކެތި ބޭނުންވެގެން އެދުމުން، ޖަލުއޮފީހުން ބުނަނީ އެއީ ޖަލަށް ވެއްދުން މަނާތަކެތި ކަމަށެވެ.
އެބޭފުޅުން ވިދާޅުވަނީ، އެޙައްޤުތައް ފޯރުކޮށް ދެވެންޏާ މިތަން ޖަލަކަށް ނުވާނެ ކަމަށެވެ. މިރާއްޖޭގެ ޖަލުތަކަކީ ވަރަށް އަނިޔާބޮޑު ތަނެކެވެ. އެއްވެސް އިންސާނީ ޙައްޤެއް ލިބިގެން ނުވާނެއެވެ. ކަސްރަތުކޮށްލާނެ ތަންކޮޅެއްވެސް ގޮޅިތެރޭގައި ނޯވެއެވެ. އަމުދުން އަޅުކަން ކުރުމަކީ ވެސް މަނާކަމެކެވެ. މިހުރިހާ ވާހަކަތައް ވަރަށް ތަފްސީލުކޮށް، މިދެބޭފުޅުން ނޯޓު ކުރެއްވިއެވެ.
ހަމަ މިކަހަލަ ސިޔާސީ ކަމެއްގައި އަޅުގަނޑާއި މުޙައްމަދު ނަޝީދު އާއި ބައިވަރުމީހުން، 1990 ވަނަ އަހަރު ޖަލަށްލީ ފަހަރު ވަރަށް ތަފްސީލުކޮށް އެމްނެސްޓީއަށް އަޅުގަނޑުމެން ޖަލުގައި ތިބެގެން ސިއްރުން ރިޕޯޓެއް ފޯރުކޮށް ދިނީމެވެ. އޭރު މިގޮތަށް ތިޔަބޭފުޅުންނަށް ޖަލުތަކަށް ނާދެވެއެވެ. ބޭރުޖަމާޢަތްތަކުގެ ފަރާތުން ޖަލަށް ޒިޔާރަތް ކުރުމަކީ ހުއްދަދޭކަމެއް ނޫނެވެ. އެރިޕޯޓު ހޯއްދަވައިގެން ބައްލަވާ ލެއްވުމުން އޭރުޖަލުގައި ކަންތައްހުރި ގޮތާއި މިހާރު މިބުނެދެމުން ގެންދާގޮތައި މާބޮޑުތަފާތެއް ނެތްކަން ތިޔަބޭފުޅުންނަށް އެނގިލައްވާ ނެއެވެ.
މިވާހަކައިގެ ޖަވާބުގައި އައްބާސް ވިދާޅުވިއެވެ. ރާއްޖެ އައުމުގެކުރިން ތިޔަހުރިހާ ރިޕޯޓުތައް ބެލީމެވެ. އަދި ބޭރުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެކެވުނެވެ. އެމީހުންނާ ބަރާބަރަށް ގުޅުން އޮވެއެވެ. މުހައްމަދު ނަޝީދު އަންނި އާއި ޑޮކްޓަރ ވަހީދު ރަނގަޅަށް ދެނެލައްވާ ކަމަށް އައްބާސް ވިދާޅުވެ ދެއްވިއެވެ.
މިއީ އަޅުގަނޑު ޖަލަށްލީ ފަސްވަނަ ފަހަރުކަމާއި އެފަހަރުތަކުގެ ރެކޯޑްސް އެމްނެސްޓީގައި ފެންނަން ހުންނާނެކަމަށް ދެންނެވީމެވެ. 1990 ވަނަ އަހަރު ރާއްޖޭގެ ކުށްވެރިންނައި ގުޅިގެން އެމްނެސްޓީން ފުރަތަމަ ފަހަރަށް ނެރުނު ޚާއްސަ ރިޕޯޓުގައި އަޅުގަނޑު މެންގެ ވާހަކަތައް ހުންނާނެއެވެ.
މިހާރުވެސް ތަޙުޤީޤުތައް ހިންގަނީ ރޭގަނޑުގައި އަނިޔާކުރަމުން ކަމުގައި ދެންނެވީމެވެ. ދެން އޮތީކޮން ވާހަކައެއްތޯ އައްބާސް އެއްސެވުމުން އަޅުގަނޑު ދެންނެވީމެވެ. ތިޔަބޭފުޅުން އަޅުގަނޑު މެންނާ ބައްދަލުކުރަން އަންނާނެވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވީ މިޖަލަށް ޒިޔާރަތް ކުރެއްވި، އެމެރިކާ ސަފީރުކަމާއި އެމަނިކުފާނު ވިދާޅުވީ ތިޔަބޭފުޅުން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތިބޭނީ، 12 ވަނަ ދުވަހު އަލުން ޖަލްސާތައް ފެށޭއިރަށް މާލެއަށް ގެންދަވާފަ ކަމަށެވެ. އެހެނަސް އަދިވެސް މިތިބީ ޖަލުގެ ކުޑަގޮޅީގައެވެ. އެމްނެސްޓިން ދިވެހިންނާއި ގުޅޭގޮތުން ދެވަނަ އަށް ތައްޔާރުކުރި ރިޕޯޓަކީ މިއީއެވެ.
މިއަދުގެ ޖަލްސާ ކުރިޔަށް އެގެންދަނީ، އަޅުގަނޑު މެންގެ ތެރެއިން މިނިވަންކުރި، 4 މެމްބަރުންނާ އެކުގައެވެ. ދެންތިއްބެވި ގަނަމެމްބަރުން މިތިބީ އަދިވެސް ޖަލުގައެވެ. ބައެއްބޭފުޅުން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި އެބަތިއްބެވެ. އެހެންވުމުން މިވާހަކަތައް އަޅުގަނޑުގެ ފަރާތުން އިއްޒަތްތެރި ސަފީރަށް ދަންނަވައި ދެއްވުން އެދެމެވެ.
އަދި ވެސް އަޅުގަނޑުމެން މިތިބީ ޖަލުގެ އަނިޔާގައި ކަމަށް ދަންނަވައި ދެއްވާށެވެ. 12 ވަނަ ދުވަހުގެ ޖަލްސާއަށް ދޫކޮށްލީ އެންމެ، 4 މެމްބަރުންނެވެ. ދެން ތިއްބެވި، 7 މެމްބަރުން އަދިވެސް މިތިބީ ކުޑަގޮޅީގެ ބިރުވެރި އަނިޔާގައި ކަމަށް ތަކުރާރުކޮށް މިބޭފުޅުންނަށް ދެންނެވީމެވެ.
ވީމާ އައްބާސްގެ އަރިހުން އަޅުގަނޑުގެ އެދުމަކީ އެމެރިކާ ސަފީރުއަރިހުގައި މިވާހަކަ މިގޮތަށް ދަންނަވައި ދެއްވުމެވެ. ސަރުކާރުން އެމެރިކާއާއި އީޔޫއަށް އޮޅުވާލެއްވީއެވެ. އަދި ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައް ނުދިއުމުން، އަޅުގަނޑުމެން، ޖަލުގައި ތިބެގެން އެކަމާ ނިހާޔަތަށް ހިތާމަކުރާ ކަމަށް ދެންނެވީމެވެ.
މިވާހަކަ ނޯޓު ކުރެއްވުމަށް ފަހު، ވީހާއަވަހަށް ސަފީރަށް ދަންނަވައިދޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ދެން މިބައްދަލުވުން ނިންމާލީ ވަރަށް އުފާވެރި މައުޙައުލެއްގައި ތިންމީހުން ސަލާމްޤަލާމް ކުރުމަށް ފަހުގައެވެ. އެއަށް ފަހު، ނަޞީރު ދުރުވެ، އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ.
ޚަބަރު ލިބޭގޮތުގައި އިބުރާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ. މިމަހު، 5 ވަނަދުވަހުރޭ ދަންވަރު، ހޮސްޕިޓަލަށް ގެންދިޔަގޮތަށް އަދިވެސް އެއޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މިކަންވެސްކުރީ ވަރަށް ހެއްވާކޮށެވެ. 6 ވަނަ ދުވަހަކީ އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރެއްވި ދުވަހެވެ. ބުނެވޭގޮތުގައި އިބުރާ ހޮސްޕިޓަލަށް ގެންދިޔައީ އެމެރިކާ ސަފީރާ ބައްދަލުވިޔަ ނުދޭށެވެ. އިބުރާ އަޅުގަނޑު މެންނަށް ވުރެން ގިނަވާހަކަތައް ސަފީރު އަރިހުގައި ދަންނަވާފާނެތީއެވެ. މިކަންތައް ކާމިޔާބު ކުރިޔަސް، އެމްނެސްޓީ އިންޓަރނޭޝަނަލް ބޭފުޅުން ހޮސްޕިޓަލުގައި އިބުރާއާ ބައްދަލުކުރި ޚަބަރުލިބުނެވެ.
13 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 62 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު މިނިވަންވިއެވެ. ކޮންބައެއްކަމެއް ސާފެއްނުވެއެވެ.
14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 63 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މެންދުރުކުރިން ރުކު އާ ބައްދަލުވިއެވެ. ރުކު ގޮވައިގެން އައިސްހުރީ އަޅުގަނޑުގެ ކޮއްކޮ އިބުރޭއެވެ. ވިޒްކޯ ދޯނީގައެވެ. ދަވިޒު ކޮމްޕެނީ ލިމިޓަޑު އަކީ އަޅުގަނޑުމެން އާއިލާގެ ކުންފުންޏެކެވެ. މިބައްދަލުވުން އޮތީ އުނދޯލި ގޭގައެވެ.
ނަޞީރު މާބޮޑަށް މިކަމަކާ ނޫޅުއްވައެވެ. އަޅުގަނޑާއި އަންހެނުން ބޭނުންހާ ވާހަކައެއް ދައްކަންއޮތީ މިނިވަން ކަމާއެކު ދޫކޮށް ލާފައެވެ. ގޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. ޓޭން އާއި ރޭމް ވެސް މުޅިން ބަރާބަރެވެ. އެކުދިން ދެކެނީ ބައްޕަވީ އޮފީހު ދަތުރެއްގައި ރާއްޖެތެރޭގައި ކަމަށެވެ. ހެހެހެހެހެ! ގޮސްޖެހޭނީ އެކުދިންނަށް ހަގީގަތް ކިޔައިދޭށެވެ!!
އަޅުގަނޑަކީ އަބަދުވެސް އެޓޮލްސް މިނިސްޓްރީގެ ފަރާތުން ރާއްޖެތެރޭގައި ގިނަދުވަސް ވަންދެން ދަތުރުގޮސް އުޅެހަދާ މީހަކަށްވާތީ، ދޮށީދަރިފުޅު ޓޭން ބައްޕަ ނުފެންނާތީއެއް ނޫޅެއެވެ. އޭނާގެ ޢުމުރަކީ އެންމެ ހަތަރު އަހަރާއި ހަމަހެވެ. މަޝްހޫރު ލޯޔަރު އަލްއުސްތާޒު މުޢިޒު ހުންނެވީ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރައްވައިގެން ޖަލަށް ވަޑައިގެން އަޅުގަނޑާ ބައްދަލުވާން ތައްޔާރަށް ކަމަށް އަންހެނުން، ރުކު ބުންޏެވެ. ގަޑިއެއްހާ އިރުއަނގަ ތަޅަންތިބެފައި ދެމީހުން ވަކިވީ ވަރުގަދަ ބައްދާ ސަލާމަކުން ރޮއިލާއި ދޮންދީހަދާފައެވެ. އިބުރޭ އޭރުދޯނީގައި ބަލަން ހުއްޓެވެ. އިބުރޭއަށް ވޭވްކޮށް ލާފައި ރުކުދޯންޏަށް އެރުމުން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ.
މިއަދަކީ މެދުކެނޑުމަށް ފަހު، ޚާއްސަ މަޖިލީހުގެ ދެވަނަ ޖަލްސާގެ ނުނިމި އޮތްބައި ކުރިޔަށް ގެންދިޔަ ދުވަހެވެ. އެޖެންޑާއަކީ ކުރީދުވަހުގެ އެޖެންޑާއެވެ. މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމެވެ. ޖަލްސާ ފެށުމާއެކުހެން ޖަލްސާ ދިޔައީ ހޫނުވަމުންނެވެ. ހަލަބޮލި ވަމުންނެވެ. އޮތީ ޤާސިމުގެ ނަންހުށަހަޅާ ގޮތަށެވެ.
ސަރުކާރުން ހުށަހަޅާ ނަމަކަށްވަނީ، އެންދެރިމާގޭ އަލްފާޟިލް އައްބާސް އިބްރާހީމްގެ ނަންފުޅެވެ. ވޯޓުލާނެ ގޮތަކާ ގުޅިގެން ހޫނުގަދަ ބަހުސަކަށް ފަހު، ޚާއްސަ މަޖިލީހުގެ ރައީސްކަމަށް ޤާސިމާއި އައްބާސް، މިދެބޭފުޅުންގެ ނަންފުޅު ހުށަހެޅި ވޯޓަށް އެހުމުން ޖަލްސާދޫކޮށް، 12 މެމްބަރުން މިފަހަރު ވެސް ތަޅުމުން ކުކުންނެވިއެވެ.
އެހެނަސް ވަގުތީރައީސެއްގެ ގޮތުން ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު މިކަން ގެންގޮސްދެއްވީ ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަށެވެ. ގަދަބާރުން އަމިއްލަ ނުފޫޒު ބޭނުން ކުރައްވައިގެންނެވެ.

އައްބާސް ހޮވޭނެހާ ހުރިހާގޮތަކަށް މަގުފަހި ކުރައްވައި ގެންނެވެ. ހުރިހާ ކަމެއްވެސް ގެންގޮސް ނިންމާލެއްވީ، ރައީސް މައުމޫނު އަންގަވާފައި އޮތްގޮތަށެވެ. ގާނޫނު އަސާސީގެ، 133 ވަނަ މާއްދާއާ ޚިލާފަށް ހާމަވޯޓެއް، އަތްހިއްލާ ގޮތަށް ނަންގަވައި ގެންނެވެ. 133 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ.
"ޤާނޫނު އަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބުތަކާއި އާއްމުވޯޓު ތަކުގައި ނަގަންވާނީ ސިއްރު ވޯޓެކެވެ."
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދު ﷲ ޙަމީދު އިންނަވައިގެން ފެއްޓެވި ޚާއްސަ މަޖިލީހުގެ ހުއްޓާލަން ޖެހުނު، ފުރަތަމަ ޖަލްސާގައި ވެސް ކުރެވުނީ ހަމަ މިބަހުސެވެ. ޙަމީދަށް ގޮތެއް ނުނިންމެވި ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވާށެވެ. މިފަހަރު ވެސް އަޅުގަނޑުމެން އެންމެން ހަމައަށް ތިބެވުނު ނަމަ، ޖެހުނީހީ ސިއްރުވޯޓަކަށް ދާށެވެ. ފާޅުގައި އަތްހިއްލައިގެން ވޯޓުލިޔަކު ނުދޭނަމެވެ.
ފަހެ، މައްސަލަ ޖެއްސި ހުރިހާ މެމްބަރުންނަށް ޖެހުނު އަޖަލަކީ ބޮޑު ބަޣާވާތެއްގެ ތުހުމަތު ބޮލުގައި އެޅިގެން ޖަލަށް ވަންނާށެވެ. އަދިވެސް ތިބެން ޖެހިފައި މިވަނީ، ދޫނިދޫޖަލުގެ ކުޑަގޮޅި ތަކުގެ އަނދިރީގައެވެ. ސަރުކާރު އިންގިލާބުކޮށްލަން އުޅުނު ބާޣީންގެ ގޮތުގައެވެ.
އާދެ! މިއަދުގެ ޖަލްސާގެ ޚަބަރުތައް ޖަލަށް ލިބުނެވެ. އިސްލާހީ ހަރަކާތަަށް ތާއީދު ކުރައްވާ، 12 އިއްޒަތްތެރި މެމްބަރުން ޖަލްސާގެ ތަޅުން ދޫކޮށް ނުކުތުމުން ވެސް ޖަލްސާ ކުރިޔަށް ގެންގޮސް ހުށަހެޅުނު ދެނަމަށް ވޯޓަށް ރިޔާސަތުގައި އިންނެވި ސީނާ ޒާހިރު އެއްސެވީއެވެ.
ޤާސިމަށް ލިބިވަޑައިގަތީ އެންމެ، 5 ވޯޓެވެ. ޤާނޫނު އަސާސީގައި އޮންނަގޮތަށް ސިއްރުން މިވޯޓު ލެވުނު ނަމަ، ނުކުންނެވި، 12 މެންބަރުންގެ ވޯޓާއި ފާޅުގައި ކެރިގެން ވޯޓުލެއްވި ބޭފުޅުންގެ ފަސް ވޯޓާއި އިތުރުވޯޓުތަކެއް، ޤާސިމަށް ލިބިލެއްވީސްކަން ކަށަވަރެވެ.
ގާނޫނުއަސާސީއައި ޚިލާފަށް ވޯޓުލައިގެން ބޮޑުމަޖިލީހުގެ ރައީސަށް އައްބާސް ހޮވުން:
އެހެނަސް ސީނާ ޒާހިރުގެ ޗާލާކީ ބުއްދިން މިކަންތައް ފެއިލްކޮށްލީ ޤާނޫނު އަސާސީއާ ޚިލާފަށެވެ. ރައީސް މައުމޫނުގެ ރުހުމަށެވެ. އަސާސީއާ ޚިލާފަށް ތަޅުމުގައި ވޯޓަކަށް އައްސަވައިގެން ވަކިގޮތަކަށް ފާސްކޮށް ލައްވައިގެން ނެންގެވި ވޯޓުގެ އަޣްލަބިއްލަތުން ޚާއްސަ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ގދ.އަތޮޅު މެމްބަރު އެންދެރިމާގޭ ޢައްބާސް އިބްރާހީމެވެ.
މިވޯޓަށް ފަހު، ދެން އެއްސެވީ ޚާއްސަ މަޖިލީހުގެ ނައިބު ރައިސަކަށް ހުޅަހެޅުނު، ރ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދުގެ ނަންފުޅަށް ފޯޓުލުމަށެވެ. ޚާއްސަ މަޖިލީހުގެ ނައިބު ރައީސަކަށް ހާޒިރުވެތިއްބެވި ބޭފުޅުންގެ އަޣްލަބިއްޔަތުން ހޮވިވަޑައިގަތީ ޝާހީން ޙަމީދެވެ.
ރައީސާއި ނައިބު ރައީސް ހޮވުމުގެ މިވޯޓުލާ ނިންމާލެއްވީ ފާޅުކަންބޮޑުކޮށް އަތްހިއްލައިގެން ލެވުނު ވޯޓަކުންނެވެ. ޤާނޫނު އަސާސީގައި ބަޔާންކުރެވިގެން ވާގޮތަށް ސިއްރުވޯޓެއް ލައިގެނެއް ނޫނެވެ. މިއަދުގެ ޖަލްސާ ނިމި އެޖެންޑާ ހުސްވެގެން ދިޔައީ ޤާނޫނު އަސާސީއާ ޚިލާފަށް ހިންގުނު ޖަލްސާއެއްގެ ގޮތުގައެވެ. މިއީ ވަރަށް ޚުދުމުޚްތާރު ޖަލްސާއެކެވެ.
މިގޮތަށް ފާޅުކަން ބޮޑުކޮށް، ހާމަކޮންބޮޑު ގޮތަކަށް މިވޯޓު ނެގުމަކީ ގާނޫނީގޮތުން ހުއްދަކަމެއް ނޫނެވެ. މިއީ ސިއްރުން ލާންޖެހޭ ވޯޓެކެވެ. ވޯޓުލާންވީގޮތް އަސާސީގައި ލިޔެވިފައި އޮއްވައި އަތްހިއްލައިގެން ވޯޓަށް އަހާނިންމާ ލެއްވުމަކީ ފާސިދު ޢަމަލެކެވެ. އެވޯޓަކީ ބާތިލްވޯޓެކެވެ. ފަހެ، އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި ސައްޕެއާ ވެގެން ކޯޓަށް ވެއްދީ މިމައްސަލަ ބަލައިދިނުމަށެވެ. ޞައްޙަރައުޔެއް ކޯޓުން ހޯދުމަށެވެ. ޖިނާއީ ކޯޓުން މިމައްސަލަ ނުބެލޭނެކަމަށް ބުނެ ބޭރުކޮށްލީއެވެ.
ދެން އަޅުގަނޑުމެން ތިން މީހުން ނިންމީ މިކަން ޖިނާއީކޯޓުން ބޭރުކޮށްލީމައި އިސްތިއުނާފު ކުރުމަށް ހައިކޯޓަށް އެމައްސަ ވައްދާށެވެ. އެކަމަށް ފޯމުތައްވެސް ތައްޔާރު ކުރެވުނެވެ. އެފޯމުގެ ފޮޓޯއެއް ކުރީބައިގައި ހިމަނާފައިވާނެއެވެ.
އެހެނަސް އޭގެ ބަދަލުގައި އަޅުގަނޑަށް ޖެހުނުޙާލަކީ، ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްލުމަށް ފަހު، ލަޖަށް ވަންނާށެވެ. ރައީސްމައުމޫނުގެ ސަރުކާރުގެ ޢަދުލްއިންސާފަކީ މިއީއެވެ. މިއަދުގެ ޖަލްސާ ނިމިގެން މިދިޔައީ ޚާއްސަ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އިންތިޚާބު ކުރެވިގެންނެވެ. އަދި އެކަން ރަސްމީކޮށް އިއުލާނު ކުރެވިގެންނެވެ. ރަސްމީކޮށް ޔައުމިއްޔާ ކުރެވިގެންނެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބަންދުގައިހުރި، ސިފައިންގޭގައި އަދިވެސް ވަޒީފާއޮތް، މުޙައްމަދު ރާއިދު މާލެ ގެންދިޔައެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއިދު، އިބުރާކައިރިއަށް ފޮނުވައިގެން ކުރިމަސައްކަތަކީ ޖާސޫސުކުރުން ހިންގުމެވެ. މީނާއަކީ، މީގެކުރިން ހިނގާފައިހުރި އެކިއެކި ޙާދިޘާ ތަކުގައި ސިޔާސީ މީހުންގެ ޖާސޫސަކަށް މާލެތެރޭގައި އުޅެނިކޮށް ތެތްއަތައި ހިފި، ފަޅާއަރާފައިވާ މީހެކެވެ. މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ރޯދަ ހިފަންޖެހޭ ދުވަހެވެ.
15 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 64 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީ ޖަލުތެރެ ހަމަހިނމޭން ދުވަހެކެވެ. އަދި ޢަމުދުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުލަރޯދަ ދުވަހެވެ. ހިޖްރީ ސަނަތުން، 1425 ވަނަ އަހަރުގެ ރަމަޟާންމަހު އެއްވަނަ ދުވަހެވެ. ރޯދަވީއްލުމާއި ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އުފާވެރި ކޮށެވެ.
ގޮޅީގެ ދޮރުހުންނަނީ ހުޅުވައި ދީފައެވެ. ގޮޅީގެ ފެންޑާ ތަޅުންކޮޅަށް ނުކުމެ ސަރަންފީ ގޮނޑީގައި އިށީނދެއިނދެ ގިނަވަގުތު ހޭދަކުރުމާއި ޢަޞުރު ނަމާދަށް ފަހު، އެތަޅުންކޮޅު މަތީގައި ކަސްރަތު ކުރުމާއި މިކަހަލަ ކުރިން ނުކުރެވޭ އެތައްކަމެއް މިހާރު ކުރެވެއެވެ. ބޭނުންވާ އިރަށް ޝުޢައިބަށް ގޮވާލާހެދެއެވެ. ވާހަކަ ދެއްކެއެވެ. އެގޮޅި ކައިރިޔަށް ޖެހިލާ ހެދެއެވެ. އަޅުގަނޑަށް ހުންނަނީ އަދިވެސް ޚާއްސަ ކާނާއެވެ. ޚާއްސަ މެނޫއެއް ހަދާފައި އޮވެއެވެ. މިކަމުގެ އެންމެ ފައިދާބޮޑީ އަލްއަޚު ފުރަހަނި ޝުޢައިބަށެވެ. ޝުޢައިބު ރޯދަވީއްލަނީ ބަންގިގޮވާފައެވެ. އަޅުގަނޑު އެއްވެސް އެއްޗެއް ޝުއައިބަށް ނުދީ ނުކަމެވެ.
16 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 65 ވަނަ ދުވަހެވެ. މިބުރުގައި ޖަލުގައި ހުންނަތާ، 10 ވަނަ ހަފްތާއަށް ފެށުނީއެވެ. އަދިވެސް ފޮތެއް ފަންސޫރެއް މަޖައްލާއެއް އެއްޗެއް ނުލިބެއެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލުން ވަރަށް އަވަހަށް އެކަން ހަމަޖެހޭނަކަން ވަނީ، އަންގަވާފައެވެ.
17 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 66 ވަނަ ދުވަހެވެ. ރޯދައިގެ ވަރުބަލި ކަމުގައި ތިބީއެވެ. މިއަދު ވަކިޚާއްސަ ކަމެއް ނެތެވެ.
18 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 67 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މިއަދުހަވީރު ވަގުތެއްގައި ނޫހާއި މަޖައްލާ ލިބުނެވެ. މިއީ މިބުރުގައި ކިޔާލާނެ ނޫހެއް މަޖައްލާއެއް ފަދަ އެއްޗެއް ލިބުނު ފުރަތަމަ ދުވަހެވެ. މީގެ ފަސްދުވަސް ކުރީގެ ނޫސް ލިބިފައި ހުއްޓެވެ. ޓައިމް މަޖައްލާއަކާއި ނިއުސްވީކެއް ލިބުނެވެ. މިއީ މިދިޔަ ހަފްތާގެ އަދަދުތަކެވެ.
އަދި މިދިޔަހަފްތާގެ ހުވާސް މަޖައްލާއަކާއި އައްޑުވަސް މަޖައްލާއަކާއި ދަރުމަ މަޖައްލާގެ ކޮޕީއެއް ލިބިފައި އޮތެވެ. މިހާތާޒާކޮށް ޚަބަރުތައް ލިބުނީމާ ވަރަށް އުފާވިއެވެ. މިއީ މިބުރުގައި އަލަށް މިފަދަ އެއްޗެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ބޭރުދުނިޔޭގެ މަސައްކަތުންނާއި ރާއްޖޭގެ ހިޔުމަން ރައިޓްސްއިން ކޮށްދެއްވި މަސައްކަތުގެ ނަތީޖާއެވެ. މިހުރިހާ އެއްޗެއްގައި ލިޔެފައިހުރި ހުރިހާއެއްޗެއް އެކުގައި އަޅުގަނޑު ކިޔަމެވެ. އެއްވެސް އަކުރެއް ދޫކޮށެއް ނުލަމެވެ.
19 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 68 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މުޅި ދުވަސް އެކުގައިހެން ދަނީ، ނޫސް މަޖައްލާތައް ކިޔުމުގައެވެ. ތަކުރާރުކޮށް ވެސް ބަލާއިކިޔާ ހަދަމެވެ.
20 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 69 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ، ދުވާލު މާގިނަކަމެއް ނުހިނގައެވެ. ތަރާވިސް ނަމާދަށް ފަހު، ތަރާވީސް ބޮއިގެން ވާހަކަ ދައްކަން ތިއްބާ އެންމެ ފުރަތަކަ ނެރުނީ އިބުރާއެވެ. ދެން، 11:30 އެހާކަންހާއިރު ނެރުނީ ޢިމްރާންޒާހިރެވެ. މިދެބޭފުޅުންނަކީ އެއް ނަމްބަރު ޖަލުން ނެރުނު ބޭފުޅުންނެވެ. ދެން ދެނަމްބަރު ޖަލުން ނެރުނުކަމަށް ޚަބަރުލިބުނީ، ނަޒާކީ އިބްރާހީމް ޒަކީ އާއި ތްރީއޭ ޢަލީ ޝިޔާމާއި ސަންލޭންޑް ނަޒީރުގެ ކޮއްކޮ، އަފްޟަލްއެވެ. މިއެމްމެންވެސް ގެންދިޔައީ މާލެއަށް ގެއަށެވެ.
ސަންލޭންޑް ނަޒީރު ހުންނެވީ އެއް ނަމްބަރު ޖަލުގައެވެ. މީނާ ބިރުނުގަންނާތީ މިބޭފުޅާއައި ވާހަކަދައްކާލާ ހެދެއެވެ. ނަޒީރުގެނައި ނޯބެއާ ޢަލީ ޢަބްދު ﷲ ގެންދިޔަ ފަހުންނެވެ. ނަޒީރުގެ މައްސަލައަކީ، އިބްރާހީމް ޙުސައިން ޒަކީއަށް ބައެއް ކަންކަމުގައި އެހީތެރި ވެދިނުމެވެ. އަދި އިންޑިޔާގެ ސިޔާސީ އިސް ބަޔަކާއެކު ނަޒީރުގެ ޔޮޓެއްގައި ބޭއްވުނު ބައްދަލު ކުރެއްވުމަކާއި ބައެއް މެއިލްތަކަކާ ގުޅިގެން ސުވާލު ކުރުމަށެވެ. ޒަކީއަކީ އިންޑިޔާގެ ޖާސޫސީއިދާރާއައި ސިއްރުގުޅުންތަކެއް އެދުވަސްވަރު ބޮޑުކޮށް އޮންނަބޭފުޅެކެވެ.
އާދެ! ކަޅުހުކުރުގެ މިބަންދާ ގުޅިގެން އިބްރާހީމް ޙުސައިން ޒަކީ ދެއްވާފައިވާ، 11 ސޮފްހާގެ ބަޔާނަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުން ކޮންމެހެންވެސް މުޠާލަޢާ ކުރައްވަންޖެހޭ ވަރަށް މުހިންމު ބަޔާނެކެވެ. އަދި ދިވެހިތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން، ޚާއްސަކޮށް ކިޔަވާކުދިން ކޮންމެހެން ވެސް ބައްލަވާލައްވަން ޖެހޭނެ މުހިންމު ބަޔާނެކެވެ. މިބަޔާނުގެ ކޮޕީއެއް އަޅުގަނޑަށް ލިބޭގޮތެއް ނުވިއެވެ. އެހެނަސް އެބަޔާން ދެފަހަރެއްގެ މަތިން އަޅުގަނޑުގެ އެދުމުގެ މަތިން، އަޅުގަނޑުގެ ލޯޔަރ އަޙްމަދު މުޢިޒް އަޅުގަނޑު މުޠާލަޢަކޮށްލަން އަޅުގަނޑު އަތަށް ދެއްވިއެވެ. ފޮޓޯކޮޕީއެއް ނުދެއްވިއެވެ. މިބަޔާން އެންމެންނަށް ކިޔަން ލިބޭގޮތަށް އާންމުކޮށް ދެއްވުމަށް އަޅުގަނޑުގެ ލޯޔަރު އަރިހުން އެދެމެވެ!
ސިޔާސީ ކަންކަމުގައި ޒަކީގެ ހިތްވަރާއި ފިނޑިކަން ހުރިމިންވަރު މިބަޔާނުން އަގުވަޒަން ކޮށްލެވޭނެއެވެ. ލޯޔަރ މުޢިޒްގެ ލޯފާރމްގެ ޢަރްޝީފްގައި މިބަޔާން އަދިވެސް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައް ދިރާސާ ކުރައްވާ ކިޔަވާކުދިން މިބަޔާން އޮތްތާކުން ހޯއްދަވައިގެން ބެއްލެވުމަކީ މިޤައުމަށް ޓަކައި ކޮންމެހެން ވެސް ކުރަންޖެހޭކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. 3 ނޮވެމްބަރުގެ މުޅި އުދްވާނަކީ އިތުރަށް ދިރާސާކުރަން ޖެހޭ ޙާދިޘާއެކެވެ!
އަދިމިރޭ ދަންވަރު ވަގުތެއްގައި، ޤާސިމް މާލެ ގެންދެވި ޚަބަރު ލިބުނެވެ. އެހެނަސް މާލޭގެ އަތިރިމައްޗަށް ރައްޔިތުން އެއްވެފައި އޮތުމުން އަނބުރާ ގެނެސް އަނެއްކާވެސް އޮޅުވާލާފައި އެހެން ދިމާއަކުން މާލެއަށް އެރުވީކަމަށް ވެއެވެ. ޒަކީ އޮންނެވީ އައިޖީއެމް ހޮސްޕިޓަލު ގައެވެ. ހޮސްޕިޓަލުން ޒަކީ ގެންދާގޮތަށް ހަމަޖެހިފައި އޮތީގެއަށެވެ. މިރޭގެ ވަގުތެއްގައި ޑޮކްޓަރ މުޙައްމަދު މުނައްވަރު ވެސް މާލެ ގެންދިޔައެވެ. މިތިން ބޭފުޅުން ގެއަށް ބަދަލު ކުރައްވައި ގޭގައި އިޢުލާނެއް ބެހެއްޓެވިއެވެ.
އެއިން ގެއެއްގެ ރަޖިސްޓްރީގައި ނެތްމީހަކަށް އެއިން ގެއަކަށް ނުވަދެވޭ ގޮތަށް އެއިޢުލާނުގައި ލިޔެފައި ވެއެވެ. މިދަންނަވާ އިޢުލާނުގެ އިބާރާތަކީ މިއެވެ.
"މިގޭގައި ނިދާކައިބޮއި ހަދާމީހުން ފިޔަވާ އެހެންމީހުން މިސަރވިސްގެ ހުއްދަ ލިބިގެން ނޫންގޮތަކަށް މިގެއަށް ވަދެ ނުކުމެ އުޅުމަކީ މަނާކަމެކެވެ."
މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިޢުލާނެކެވެ. މިއިޢުލާނުގައި ތާރީޚަކަށް ޖަހާފައިވަނީ، 20 އޮކްޓޯބަރ 2004 އެވެ.
މިއީ އިބުރާ އާއި ޤާސިމާއި ޑޮކްޓަރ މުނައްވަރު، މި ތިން ބޭފުޅުން ގެއަށް ބަދަލުކުރި ރެއެވެ. ޒަކީ ހޮސްޕިޓަލުން ގެއަށް ގެންދަވާނެ ކަމަށްވަނީ އަންގަވާފައެވެ. މިކަންމިކުރީ، ބައިނަލް އަޤްވާމީ މުޖްތަމަޢުގެ ޕްރެޝަރުގައެވެ. 12 ވަނަ ދުވަހަށް ދޫކޮށް ނުލައިގެން އިތުރަށް ޕްރެޝަރ އަންނަމުން ދިޔައެވެ. އެހެނަސް އަދިވެސް އެންމެ ރުޅިއަންނަ، 3 މީހުން ކަމުގައި ޢަބްދު ﷲ ޙަމީދުގެ މައްސަލަަ ކޯޓަށް ވެއްދި ތިން މެންބަރުން ތިބީ ދޫނިދޫގެ ޖަލުގައި ކުޑަގޮޅީގައެވެ.
މެމްބަރންގެ ތެރެއިން މިހާރު ޖަލުގައި ބާކީވެފައި މިތިބީ އަޅުގަނޑުމެން އެތިންމީހުންނެވެ. ސައްޕެ އާއި ޑޮކްޓަރ ޙުސައިން ރަޝީދާއި އަޅުގަނޑެވެ. ސައްޕެ އަދިވެސް ހުންނެވީ ދެނަމްބަރު ޖަލުގައެވެ. މިހާރުމިދަނީ ޒާތީޙަސަދައިގެ ބައެވެ. އަޅުގަނޑުމެން ތިންމީހުން ޖަލުގައި އެކަނިކޮށްފައި މިތިބީ، ޒާތީރުޅިވެރި ކަމެއްގައިކަން ސާފުކޮށް އެނގެއެވެ. ދެރަވަރުގެ އަމަލެކެވެ.
21 އޮކްޓޯބަރ 2004 ވީބުރާށްފަތި ދުވަސް، ޖަލުގައި ހުންނަތާ، 70 ވަނަ ދުވަހެވެ. މިބުރުގައި ކުޑަގޮޅީގައި ހުންނަތާ، ބަރާބަރު، 10 ހަފްތާހަމަވީއެވެ.
"ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފް އަމަލުތަކުގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭ" ހ.މަނާލް ޒުހައިރާ ޢުމަރާއި ގ.ކެނެރީގޭ ޢަބްދު ﷲ ޖަލީލް، އަބުޖީގެ މައްޗަށް ދައުލަތުން ދައުވާ ކުރެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން، މިއަދު ކޯޓަށް ފޮނުވިއެވެ. މިކަން ޢާއްމު ކުރައްވައި އެއޮފީހުން ނެރުއްވި ބަޔާނުގައި އޮތްގޮތުން، ޒުހައިރާ ޢުމަރުގެ މައްޗަށް ދައުލަތުން ކުރައްވަނީ، ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއާއި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ދިވެހިންގެ ތެރޭގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އަބުޖީގެ މައްޗަށް ދައުލަތުން ކުރައްވަނީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއެވެ.
22 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 71 ވަނަ ދުވަހެވެ. ޚާއްސަ ކަމެއްނެތް ދުވަހެކެވެ.
23 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 72 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރަށް އަޅުގަނޑުގެ ލޯޔަރ މުޢިޒުއާ ބައްދަލުވި ދުވަހެވެ. މިބައްދަލުވުން ހިނގީ ދޫނިދޫޖަލުގައި މުޢިޒުގެ އެދިވަޑައި ގަތުމުގެ މަތިންނެވެ. މިހާތަނަށް ދޫކޮށްލެއްވި މީހުންގެ ވާހަކަތަކާއި ބަންދުގައި ތިބިމީހުންގެ ތެރެއިން ގިނަބައެއްގެ ލޯޔަރަކީ މުޢިޒުކަމަށް ވިދާޅުވިއެވެ. މާބޮޑަށް ފިކުރު ނުކުރުމަށާއި މައްސަލަ މާހޫނުނޫންކަމަށް ވިދާޅުވެ ދެއްވިއެވެ. ދެން ވަރަށް އަވަހަށް މާލެއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.
އަދި ވީހާއަވަހަށް ހޯމް މިނިސްޓަރ ޢުމަރު ޒާހިރަށް ސިޓީއެއް ލިޔުމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލުވުން ނިންމާލީ ވީހާއަވަހަށް އުމަރު ޒާހިރަށް ސިޓީއެއް ލިޔާގޮތަށެވެ. މިއީ އަޅުގަނޑު ކުރާހިތްވާ ކަމެއްނޫނެވެ. އެހެނަސް ލޯޔަރުމުޢިޒު ވިދާޅުވީމާ މިކަންކުރަން ނިންމީއެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި މޫސަ (ތަލަ މޫސަ) ތަހްގީގަށް ނެރުމަށްފަހު ބަޔާނަށް ކުޑައިސްލާހެއް ގެނަސް ސޮއި ކުރުވުމާއެކު މާލެ ގެންގޮސް ދޫކޮށް ލެއްވިއެވެ. އެހެނަސް މއ.ބޯގަންވިލާގައި އިޢުލާނު ތަތްކޮށްފައި ހުއްޓާއެގެއަށް އިބުރާއާ ބައްދަލުކުރަން ވަދެގެން އަލުން މާލޭ ވެލްފެއަރ ޖަލުގައި ބަންދުކުރި ޚަބަރުލިބުނެވެ.
24 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 73 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ސަންދާނު ނިސްރީން، ނިންނި މާލެ ގެންދިޔައެވެ. އޭރުއޭނާގެ ބަޔާނުގައި ސޮއިކުރުވާ ނުނިމެއެވެ. ގެންދިޔައީ ގޭގެބަންދަށެވެ. ސަންދާނު މައްސަލައިގެ ޙުކުމް އޭނާގެ މައްޗަށް ކުރިޔެކޭ އެއްގޮތަށް އޮތެވެ. އެހުކުމުގެ ދަށުން ގޭގައި ބެހެއްޓީއެވެ.
މިއަދު ކުރިމަސައްކަތަކީ އަޅުގަނޑުގެ ލޯޔަރ ވިދާޅުވިގޮތަށް ޢުމަރު ޒާހިރަށް ސިޓީއެއް ލިއުމެވެ. މިއީ އަޅުގަނޑު ވަރަށް ކުރާހިތްނުވާ ކަމެކެވެ. އެހެނަސް މުޢިޒުގެ އެދުމުގެ މަތިން މިއަދު އެސިޓީ ލިޔުނީމެވެ. އެސިޓީގެ ޚުލާޞާއަކީ މިއެވެ.
ބިސްމިއްލާ ހިއްރަޙްމާ ނިއްރަޙީމް.
ދޫނިދޫ، 1 ނަމްބަރު ޖަލު، 26 ނަމްބަރުގޮޅި
ދޫނިދޫ ޑިޓެންޝަން ސެންޓަރ
ކ.ދޫނިދޫ.
މިނިސްތަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އުމަރު ޒާހިރަށް.
ވެދުންސަލާމަށް ފަހު، ދަންނަވަމެވެ. (މިތާގައި މިނޯޓްކޮށްލަނީ އެސިޓީގެ ޚުލާޞާއެވެ.)
7 އޮކްޓޯބަރ 2004 ވީބިރާސްފަތި ދުވަހު، އަޅުގަނޑުވާނީ ބަޔާނުގެ، 4 އަސްލުގައި ސޮއިކޮށްފައެވެ. އެދުވަހުން ފެށިގެން ތަޙްޤީޤުގެ ހުރިހާކަމެއް ވަނީ ނިމިފައެވެ.
މިހާރު ޖަލުގައި ބަހައްޓާފައި މިހުރީ، އެޓޮލްސް މިނިސްޓްރީއިން ރައީސް އޮފީހަށް ލިޔެގެން އަޅުގަނޑަށް ދީފައިވާ ނޯޓިސްގެ މުއްދަތު ގުނުމަށެވެ. ތިންމަސް ހަމަވާންވާ އިރަށް ކޮންމެވެސް ތާކުން ވަޒީފާ ހަމަނުޖެހިއްޖެނަމަ އަޅުގަނޑުގެ ވަޒީފާ ގެއްލޭނެއެވެ. ނޯޓިސްގެ މުއްދަތު ހަމަވަނީ، 8 ނޮވެމްބަރ 2004 ވަނަ ދުވަހަށެވެ. ވީމާ ހޯމް މިނިސްޓަރީން އަޅުގަނޑަށް ވަޒީއެއް ހަމަޖައްސަވައި ދެއްވުން އެދެމެވެ.
އަޅުގަނޑަކީ ރާއްޖޭގައި މީހުންއުޅޭ ހުރިހާރަށަކަށް ދެފަހަރަށް ވުރެން ގިނައިން ޒިޔާރަތްކޮށް، ގިނަގުނަ މަސައްކަތްތަކެއް ދައުލަތަށް ކޮށްދީފައިވާ މީހެކެވެ. ކުދިރަށްރަށުން މީހުން ދިރިއުޅޭ ބޮޑެތިރަށްރަށަށް މީހުން ބަދަލު ކުރުމަކީ، އެޓޮލްސް މިނިސްޓަރ ޢަބްދުއްރަޝީދު ޙުސައިންގެ ލާފާފުޅުމަތިން އަޅުގަނޑު އަމިއްލައަށް ރާވައިގެން ހިންގި ޕްރޮގްރާމެކެވެ. މިމަޝްރޫޢުގެ ދަށުން މިހާރުވާނީ ކުދިތިންރަށް ހުސްކޮށްފައެވެ.
ހދ.ހޮނޑައިދޫއާއި ށ.ފިރުނބައިދޫއާއި ށ.މާކަނޑޫދޫ އަކީ މިހާރުފަޅުރަށް ތަކެއްކަމުގައި ހަމަޖެހިފައި އެވަނީ އަޅުގަނޑުގެ ބުރަ މަސައްކަތުންނެވެ. އަޅުގަނޑާއި އެޓޮލްސް މިނިސްޓަރ ޙަމީދުގެ ޚިޔާލުތަފާތުވީ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރެވުނު ގާނޫނު އަސާސީ މާނަކުރުމުގެ ބަހުސެއްގައެވެ. މިކަން މިހެންއޮތަސް އަދި އަޅުގަނޑު ކަނޑާލުމަށް ރައިސް އޮފީހަށް ލިޔުއްވައިގެން ނޯޓިސް ދެއްވާފައި ހުއްޓަސް އަޅުގަނޑަކީ ޙަމީދު ވަރަށް އިތުބާރުކުރި މީހެކެވެ.
ޙަމީދުގެ ބަދަލުގައި، ސިފައިންގެ ތެރޭގައި ހުންނަ ދައުލަތުގެ މައިތިޖޫރި ހުޅުވުމަށް ތަޅުދަނޑިދީފައި ފޮނުއްވަނީ ވެސް އަޅުގަނޑެވެ. އަދި ތިޖޫރީގެ އެދުވަހެއްގެ މަސައްކަތް ނިމެންދެން ތިޖޫރި ބަލަހައްޓަން ހުންނަނީ ޙަމީދުގެ ބަދަލުގައި އަޅުގަނޑެވެ. އަދި އެކިބައްދަލުވުން ތަކުގައި އަޅުގަނޑަކީ އެޓޮލްސް ގައިހުރި ޖަވާހިރެކޭ އެތައްފަހަރަކު ޙަމީދު ވިދާޅުވެފައި ހުންނާނެއެވެ.
އަދި އެންމެ ރަނގަޅު މުވައްޒަފުގެ ފިލާ ދެއަހަރެއްގެ މަތިން އަޅުގަނޑަށް ޙަމީދުގެ އަތްޕުޅުން ދެއްވާފައި ވެއެވެ. މިއަދު އަޅުގަނޑަށް ސަރުކާރުގެ އެހެން އޮފީހަކުން ވަޒީފާއެއް ތިންމަސް ދުވަހުގެ ތެރޭގައި ހޯދުމަށް ނޯޓިސް ދެއްވާފައި ހުރުމުން އަޅުގަނޑަށް ހޯމް މިނިސްޓްރީއިން ވަޒީފާގެ ފުރުސަތެއް ދެއްވައި މިހާރު މިހުރިބަންދުން ދޫކޮށްލަ ދެއްވުން އެދި އިޚްލާޞްތެރި ކަމާއެކު ދެއްނަވަމެވެ. އަދި އެޓޮލްސްގައި ހުރެގެން ހޯމް މިނިސްޓްރީގެ ގިނަޓާސްކްފޯސް ތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދީފައި ވާނެއެވެ.
ވީމާ އަދިވެސް އެއްފަހަރު ތަކުރާރުކޮށް ދަންނަވަނީ، އަޅުގަނޑު ދޫކޮށްލައްވައި ތިޔަމިނިސްޓްރީން ވަޒީފާއެއް ދެއްވުމަށެވެ. އަަޅުގަނޑުގެ ވަޒީފާ ނުގެއްލޭނެގޮތް ހައްދަވައި ދެއްވުމަށެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
24 އޮކްޓޯބަރ 2004މ. ޚާދިމުކުލް މުޠީޢު، އިލްޔާސް ޙުސައިން އިބްރާހީމް. ސޮއި.
މިނިސްޓްރީ އޮފް ހޯމް އެފެއާޒް / މާލެ
ދިވެހިރާއްޖެ.
25 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 74 ވަނަ ދުވަހެވެ. މިއަދަކީ އަނެއްކާވެސް ބޮޑުމަޖިލީހުގެ ޖަލްސާއެއް އޮތް ދުވަހެކެވެ. މިއަދުގެ އެޖެންޑާ ގައިއޮތީ މަޖިލީހުގެ ގަވާއިދެއް ހެދުމުގެ މަޝްވަރާއެވެ. މިބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ދެނަމްބަރު ޖަލުގައި ތިބިއެންމެން، އެއްނަމްބަރު ޖަލަށް މިރޭގެނައެވެ. މުހައްމަދު ފުޅު ވެއްދީ، 6 ނަމްބަރު ގޮޅިއަށެވެ. އައިސީ ވެއްދީ، އެއްނަމްބަރު ގޮޅިއަށެވެ. ޙުސްނުއް ސުޢޫދު ވެއްދީ ފަހުން އަބްޖީ ހުންނެވި، 18 ނަމްބަރު ގޮޅިއަށެވެ. ހޮލޯގްރާމް އަޙްމަދު އާދަމް، އަންމަޑޭ ވެއްދީ، 19 ނަމްބަރަު ގޮޅިއަށެވެ.
ކުޅުދުއްފުށީ އަބުސީ ވެއްދީ، 9 ނަމްބަރު ގޮޅިއަށެވެ. ތިނަދޫގޭ ނަޒީރު ޖަމާލް ވެއްދީ، 7 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ރައްޓެހި ލ.އަތޮޅު ޝަކޫރު ވެއްދީ، 8 ނަމްބަރު ގޮޅިއަށެވެ. ގާދިއްފުށި ސައްޕެ، އަޙްމަދު ޝަފީޤު ވެއްދީ، 11 ނަމްބަރު ގޮޅިއަށެވެ. ސިފައިންގެ ބޭކަލެއްގެ ގަޔަށް ވަޅިހެރި ޙުސައިން، ޕައިޑަރ ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. މުޙައްމަދު އިޔާޒު ވެއްދީ، 10 ނަމްބަރު ގޮޅިއަށެވެ. ޒިޔާއްޓޭ ވެއްދީ ކުރިން އަޅުގަނޑު ހުރި، 17 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ވެއްދި ކުރިން ދާދަރާހުރި، 16 ނަމްބަރު ގޮޅިއަށެވެ. 15 ނަމްބަރު ގޮޅިގައިހުރީ އިސްމާޢީލް ޢާޞިފް، އާސިއްޕެއެވެ.
ޝާޒު ވަލީދު ހުރީ، 14 ނަމްބަރު ގޮޅީގައެވެ. 13 ނަމްބަރު ގޮޅީގައި ހުންނެވީ ސަންދާނު އަހަންމައިދީއެވެ. 12 ނަމްބަރު ގޮޅީގައި، ޝައިޚް ފަރީދެވެ. އަޅުގަނޑުމެން އެއްނަމްބަރު ޖަލަށް ޖަމާވުމަށް ފަހު، ތިބީމިގޮތަށެވެ. ވަރަށްމަޖާ މާހައުލެކެވެ. އެންމެން މަޝްވަރާކޮށް ހަދަމެވެ. ގުޅިގެން ކަންތައްކޮށް ހެދެއެވެ. މައްސަލައަކަށް ނުވެއެވެ. އެންމެން އެއްތަނަކަށް ޖަމާވީއެވެ.
މިމީހުން އެތެރެއަށް ވެއްދިއިރު އަޅުގަނޑު މެންގެގޮޅީގެ ދޮރުތައް ހުޅުވައިދީފައި ހުރެފައި މިމީހުންގެ ގޮޅިތަކުގެ ދޮރުތައް ބަންދުކުރުމުން އަލަށް ގެނެވުނު މީހުން މައްސަލަ ޖެއްސިއެވެ. ޙުސްނުއް ސުޢޫދު މިކަމާ އިހްތިޖާޖު ކުރުމުގެ ގޮތުންހުރީ ނުކައެވެ. މީނާގެ ބަހަކީ ތަފާތުކޮށްގެން ނުވާނެއެވެ. ވަކިބައެއްގެ ދޮރުތައް ހުޅުވައިދީފައި އަނެއްބައެއްގެ ދޮރުތައް ބަންދުކުރުމަކީ އިންސާފެއް ނޫންކަމަށެވެ. ހުސްނު މިކަން ސަމާލުކަމަށް ގެނައުމުން މިކަމާ ޖަލުއޮފީހުން ވިސްނާނެ ކަމަށް އެންގިއެވެ.
ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން މީހުން ހައްޔަރު ކުރުމުގައާއި ބަންދު ކޮށްފައި ބޭތިއްބުމުގައި އިންސާނީ ޙައްޤުތަކާޚިލާފު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އާންމު ތަޙްޤީޤެއް ބާއްވަވާގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އިން ހަމަޖައްސަވައި އެކަން މިއަދު އިޢުލާނު ކުރެއްވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު އަލްއުސްތާޒު ޙުސްނުއް ސުޢޫދާއެކު ޖުމްލަ، 33 މީހަކު ޖަލުގައާއި ގޭގެބަންދުގައި މިހާރުއެބަ ތިބިކަމަށް ބުނެއެވެ. މިކަން އިޢުލާނު ކުރެއްވިއަސް މިފަދަ ތަޙްޤީޤަކީ އެކޮމިޝަނުން ކުރެއްވޭނެ ތަޙްޤީޤެއް ނޫނެވެ. މިއީ އެކޮމިޝަނަށް ކުރެއްވޭނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެހެނަސް މިއީ ކުރެވިއްޖެއްޔާ ވަރަށް ރަނގަޅު ކަމެކެވެ. ރައްޔިތުންގެ ތަރްޙީބު ލިބޭނެ ކަމެކެވެ.
26 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 75 ވަނަ ދުވަހެވެ. މިރޭ ތަރާވީޙަށް ފަހު، ޖެނީ އާއި އައިންތު ނަޖީބު މާލެއަށް ގެންދިޔައެވެ. މިދެމީހުން ގޭބަންދަށް ބަދަލުވީއެވެ. އަދި ހުރިހާ ގައިދީންގެ ދޮރު، ދުވާލު ދިހައަކުން ހުޅުވާފައި ރޭގަނޑު ދިހައަކުން ބަންދުކުރާ ގޮތަށް މިއަދު ޖަލުއޮފީހުން ހަމަޖެއްސިއެވެ. ހުރިހާގައިދީންނަށް ފޮތެއްގައި ލިޔެފައި މިލިޔުން ލިޔެ އަންގާއި ސޮއިކުރުވިއެވެ.
މިކަން މިގޮތަށް ހަމަޖެއްސުމުން އަޅުގަނޑުމެން އެންމެން އެދުނީ ރޯދަމަހަށް ވާތީ، ހެދުނު ނުވައަކުން ދޮރުހުޅުވާފައި ރޭގަނޑު އެކަކަށް ބަންދުކޮށްދޭ ގޮތަށެވެ. ވަރަށް ފަސޭހައިން މިއެދުން ގަބުލުކޮށް ޖަލުއޮފިހުން މިގޮތަށް ގޮޅީގެ ދޮރުހުޅުވައިދޭ ގޮތަށް ހަމަޖައްސައި ދިނެވެ. އަދި މާދަމާ ރެއިންފެށިގެން މިގޮތަށް ހަމަޖައްސައި ދޭނެކަމަށް އެންގިއެވެ.
27 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 76 ވަނަ ދުވަހެވެ. 2004 ގައި އޮންނައާންމު އިންތިކާބަށް ކުރިމަތި ލުމަށް އިޢުލާނު ކުރުމުން އިލެކްޝަންސް އަށް މިއަދު ސިޓީއެއް ލިޔުނީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރިމަތިލާން ބޭނުންވާތީ އިލެކްޝަންސް އިން ފޯމްސެޓް ހޯދުމުގެ ބޭނުމުގައެވެ. އަދި ފޯމްސެޓް ޖަލަށް ފޮނުވައި ދެއްވެންނެތްނަމަ، މާލޭގެ ގޮނޑިއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރޭގައި އަޅުގަނޑުގެ ނަންހިމަނައި ދެއްވުމަށް އެސިޓީގައި އެދުނީމެވެ.
އެކަމަށް ބޭނުންވާ، ދެހާސް ރުފިޔާ އާއި ފޮޓޯ ގެއިން ފޮނުވައި ދެއްވާނެކަމަށް ލިޔުނީމެވެ. އަދި މާލޭން ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިދޭނީ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދު ކަމުގައި ލިޔުނީމެވެ. ގޮޅީގެ ދޮރުތައް ހެދުނު، 9 ގައި ހުޅުވާފައި ރޭގަނޑު، 1:30 ގައި ލައްޕާގޮތަށް ހަމަޖެހުނުކަން މިރޭ ހާރުކެއުމުގެ ކުރިން އަންގައި އެގޮތަށް އަމަލުކުރަން ފެށިއެވެ.
ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފު އަމަލު ތަކެއްގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭތީ އާއި އަމަންނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު މ.އުނިމާގެ އަޙްމަދު ޢާދިލްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. މިހިސާބުން އަޅުގަނޑުގެ މައްސަލަވެސް ކޯޓަށް ފޮނުވާނެކަން ކަށަވަރު ކުރެވުނެވެ.
28 އޮކްޓޯބަރ 2004 ވިބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 77 ވަނަ ދުވަހެވެ. މިރޭ ތަރާވީހަށް ފަހު މާލެއަށް ގިނަބަޔަކު ގެންދިޔައެވެ. 21 ނަމްބަރު ގޮޅިގައިއޮތް ކޮލަމާފުށީ ފުއާދު ޒާހިރާއި، 25 ނަމްބަރު ގޮޅީގައިއޮތް ދާދަރާ ނަސީމާއި، 24 ނަމްބަރު ގޮޅީގައިއޮތް، ފޮޓޯގްރާފަރ ޙުސައިނާއި، ޙުސްނުއް ސުޢޫދާއި އަންމަޑޭ އާއި، 4 ނަމްބަރު ގޮޅިގައިއޮތް، ޤާރީ ޢަބްދު ﷲ އައި މިހަމީހުން މާލެ ގެންގޮސް ދޫކޮށްލި ޚަބަރު ލިބުނެވެ. މާދަމާނޫން އަނެއްދުވަހަކީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިތާ، 21 ދުވަސް ހަމަވާ ދުވަހަށްވާތީ، ގާޒީއެއްގެ ކުރިމައްޗަށް ކޯޓަށް ގެންގޮސް ޖަލުގެ މުއްދަތު އިތުރުކުރަން ޖެހޭކަމަށް އެނގިފައިވެއެވެ.
އެހެންވެ މިރޭ އެއްބައި މީހުން ދޫކޮށްލީއެވެ. އަނެއްބައި މީހުންކޯޓަށް ގެންގޮސް، 30 ދުވަސް އިތުރުކުރިއެވެ. މިމުއްދަތު ގުނަންފެށުނީ، 1 ނޮވެމްބަރުން ފެށިގެންނެވެ. މިގޮތަށް، 30 ދުވަސް އިތުރުކުރީ އައިސީ އަށާއި ޒިޔާއްޓޭ އަށާއި ޝާޒުވަލީދަށާއި އާސިއްޕެއަށާއި އިޔާޒަށާއި ގާދީއްފުށީ ސައްޕެއަށެވެ. އެއްބަޔަކު މިރޭދޫކޮށްލީ އެންމެންނަށް މިގޮތަށް ކޯޓަށް ގެންގޮސްގެން ޖަލުގެ ނުވަތަ ގޭގެބަންދަށް ދުވަސް އިތުރު ނުކުރާށެވެ.
29 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 78 ވަނަ ދުވަހެވެ. ވަކި ޚާއްސަކަމެއް ނެތެވެ. ފިނިދުވަހެކެވެ.
30 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 79 ވަނަ ދުވަހެވެ. ޖަލުގެ މުއްދަތު އިތުރުނުކޮށް ތިބިމީހުން، ތިންބުރަކަށް ބަހާލައިގެން މިއަދާއި މިރެއާއެކު ކޯޓަށް ގެންދިޔައެވެ. ޝުޢައިބާއި އަޅުގަނޑަށް ގާޒީލިޔެދިނީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދާގޮތަށެވެ. އެހެނަސް ގެނެސްލީ ގޮޅިއަށެވެ. ސަންދާނު އަހަންމައިދީ އަށާއި ޝައިޚް ފަރީދަށް މުއްދަތު އިތުރުކޮށް ނުދެއްވީ އެދެމީހުންގެ ޖަލުގެހުކުމެއް އިއްވިފައި މިހާރުވެސް ވާތީއެވެ. މިހާރު، 1 ނަމްބަރު ޖަލުގައިތިބީ، 21 މީހުންނެވެ. 30 ދުވަސް ގާޒީ އިތުރުކޮށް ދެއްވީ، 19 ގައިދީންނަށެވެ.
ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، މިހާރު ބަންދުގައިތިބި، 33 މީހުންގެ ތެރެއިން، 7 މީހަކު މިއަދު ދޫކޮށްލެއްވި ކަމަށް ފުލުހުން މީޑިއާއަށް އަންގައި އެޚަބަރު ދިނެވެ.
31 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 80 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސަންދާނު އަހަންމައިދީ މާލެއަށް ގޭގެބަންދަށް ގެންދިޔައެވެ. ޖަލުގައި އަޅުގަނޑު މެންގެތެރެއިން މިހާރުތިބީ އެންމެ، 20 ގައިދީންނެވެ.
1 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 81 ވަނަ ދުވަހެވެ. އަޅުގަނޑުގެ މައްސަލަ ބަންޑާރަ ނައިބު އޮފީހުން ޝަރުޢީ ކޯޓަށް ފޮނުވިކަމަށް މިއަދު އިޢުލާނު ކުރެއްވިއެވެ. އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލުތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީއާއި ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލިކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ޝަރުޢީކޯޓަށް ވެއްދިއެވެ.
މިއަދު ހަވީރު ވަގުތެއްގައި ޑޮކްޓަރ ޝަކީލު ކައިރިއަށް ނެރުނެވެ. އަޅުގަނޑު އަތުގައި ބޭސް ހުރުމުން އިތުރުބޭސް ލިޔެދޭކަށް ނުހައްދަވައެވެ. ފައިދުޅަވެފައި ބުރަކައްޓަށް ތަދުވާތީ އެވާހަކަ އަނެއްކާވެސް ފައިދައްކަމުން ދެންނެވީމެވެ. މިކަމަށް ވަކިޚާއްސަ ބޭހެއް ނުދެއްވިއެވެ. އަޅނުލެއްވީއެވެ.
ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުހެދުން:
2 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 82 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގައިބޮޑު މަޝްވަރާއެއް ކުރެވުނު ދުވަހެކެވެ. އަޅުގަނޑުމެން ހަންގަރސްޓަރިކެއް ހެދުމަށެވެ. މިކަމުގައި ހުރިހާ ގައިދީންގެ ފަރާތުން އިސްކޮށް ބަސްބުނާ މީހެއްގޮތުގައި ބެހެއްޓުމަށް އެންމެން އެއްބަސްވި މީހަކީ ޝާޒުވަލީދެވެ. އެއީ މިހަޅުތާލުގެ ލީޑަރެވެ. މެންދުރުކުރިން ހުރިހާގޮޅިއެއްގައި ތިބިމީހުންނާ ވާހަކަދައްކައި ހެދުމުން ނުކުތްނަތީޖާ އަކީ، މިއަންނަ ބުރާސްފަތި ދުވަހު ރޯދަވީއްލަން އެއްޗެހި ގެނައުމުން ރޯދަނުވީއްލާ ބޫކުހަޅުތާލެއް ފެއްޓުމަށެވެ.

ރޯދަމަހަށް ވާތީ ރޯދަވީއްލަން ތިންކަދުރާއި ފެންބުއިމަކީ ހުއްދަކަމެއް ކަމާއި އެމީހަކަށް ފެނިއްޖެނަމަ ފުރާނައަށް ގެންލުން ނުވާގޮތަށް ކަދުރާއި ފެންބޭނުން ކުރިޔަސް، އެކަކުވެސް މައިގަނޑުކާއެއްޗެއް ކައިގެން ނުވާނެކަމަށް ނިންމުނެވެ. ހުރިހާ ގައިދީންގެ އާންބަސް ލިބުމުން ވަލީދު ރަސްމީކޮށް ޖަލުއޮފީހަށް މިކަން މިއަދު ރަސްމީކޮށް އެންގެވިއެވެ.
ޖަލުއޮފީހުން ވަކި ޖަވާބެއް ބޭނުންނޫން ކަމަށާއި އެކިގައިދީންގެ ހުރީއެކި ޝަރުޠުތައްކަން ޖަލުއޮފީހަށް އެންގުނެވެ. މިގޮތަށް ނިންމައިގެން މިކަން މާލެއަށް އަންގާނެގޮތެއް ނެތިފައި ތިއްބައި ހަވީރުގެ ވަގުތެއްގައި ސޫޒަންފުޅާއި ޑޮކްޓަރ ޙުސައިން ރަޝީދު، ބަލާ އަތުވެއްޖެއެވެ. މާލެއަށް ބަދަލުކުރާށެވެ.
ކުރިން މީހަކު އައިސް އެންގީ މާލެދާގޮތަށް ތައްޔާރުވުމަށެވެ. އެދެމީހުން ބަލާއައީ ހަވީރު ފަހެއް ޖެހިއިރުއެވެ. ދެން ސޫޒަނާއި ޑޮކްޓަރ ޙުސައިން، ހުރިހާ ގޮޅިއަކަށް ހިނގައި ހުރިހާ ގައިދީންނާއި ސަލާމްކޮށް ހެދިއެވެ. ޑޮކްޓަރ ޙުސައިން މާލެއަށް ގެންދިއުމުން ޖަލުގައި ބާކީވެފައި ތިބޭނީ ޚައްސަ މަޖިޅިހުގެ ދެމެމްބަރުން އެކަންޏެވެ. އެއީ އަޅުގަނޑާއި ސައްޕެ އެވެ.
ތަޅުމުގައި އެންމެފޯރި އަރުވާ ހަދާ ދެމީހުންނެވެ. އަޅުގަނޑު ގޮޅިއަށް ސޫޒަން އައުމުން ބޫކުހަޅުތާލުގެ ވާހަކަ ބައިނަލް އަޤްވާމީ މުޖްތަމަޢަށާއި ހުރިހާ ގައިދީންގެ ގެތަކަށް ތަފްސީލުކޮށް އެންގުމަކީ ސޫޒަންގެ ކަމެއްކަމުގައި ބުނީމެވެ. ވަކިވަކިން ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ހުރިހާ ޚަބަރުތަކެއް ކިޔައިދިނުމަށް ބުނީމެވެ.
އަދި ކިޔައިދޭންވީ ހުރިހާއެއްޗެއް ނުކުތާތަކަށް ބަހާލައިގެން ބުނެދިނީމެވެ. ޑޮކްޓަރު ހުސައިނަށް އެޒިންމާއެއް ނުއުފުއްލެވޭނެތީއެވެ. އެހެނަސް ސޫޒަންގެ އަމިއްލަ ކަމެއްގެ ގޮތުގައި މިކަންކުރާށޭ ބުނީމެވެ. އަދި އާއިލާތަކުގެ އެއްވެސް މީހަކު ދެރަނުވުމަށައި، އަޅުގަނޑު މެންގެ ތެރެއިން އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދޭނެ ކަމަށާއި އެކަން ޚާއްސަ ގޮތެއްގައި އަޅުގަނޑު ރަނގަޅަށް ބަލަހައްޓައިދޭނެ ވާހަކަ ބުނެދިނުމަށް ސޫޒަން ގާތުގައި ބުނެދިނީމެވެ. ދެން ޑޮކްޓަރު ހުސައިން ރަޝީދާއި ސޫޒަންގެ ސަމާނާއެކު ނެރެގެން ގެންދިޔައިރު ހަވީރު ފަސްގަޑި ފަނަރަވަރު ވެދާނެއެވެ. ސޫޒަން ގެންދިޔައީ ގޭބަންދަށް ކަމަށް ޖަލުއޮފީހުން ކަށަވަރުކޮށް ދިނެވެ.
ސޫޒަން ގެޔަށް ދިޔަގޮތަށް ޖަލުގައި މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެކަކުވެސް ނުކައިހުންނަ ގޮތަށް ބޫކުހަޅުތާލެއް ފެށުމަށް ވަނީ ހުރިހާކަމެއް ހަމަޖެހިފައި ކަމަށް މާލެ ތެރޭގައި އަޑުފަތުރާލައި ފިއެވެ. އަދި އިނގިރޭސި ވިލާތުގައި މިކަން އިޢުލާނު ކުރެވިއްޖެއެވެ. ރައްޔިތުއެންމެންގެ ސަމާލުކަމަށް މިކަންތައް ގެނެވިއްޖެއެވެ. މިޚަބަރުތައް އަޅުގަނޑު މެންނަށް ލިބުމުން އިތުރަށް މިކަންތައް ރާވާލައި ބުރާސްފަތި ދުވަހު މިކަންތައް ކުރިޔަށް ގެންދާގޮތަށް ކަށަވަރުކޮށް ނިންމައިފީމެވެ.
އަޅުގަނޑުމެން ބޭނުންވާ ގޮތަށް މިކަން ކުރެވުނީމާ ކޮންމެހެން ވެސް މިކަންކުރަން މަޖްބޫރުވީއެވެ. ސޫޒަން މާލެގެންދިއުން ވެގެން ދިޔައީ އަޅުގަނޑު މެންނަށް ލެއްވި ރަޙްމަތަކަށެވެ. އެންމެން ނިދީ، އެދުވަހު އެގަޑީގައި ބޫކުހަޅުތާލު ފަށާގޮތަށް ޢަޒުމް ކަނޑައަޅާއި ނިޔަތްގަނެގެ، އެވަޢުދު ހަރުއަޑުން ކަށަވަރު ކޮށްގެނެވެ.
3 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 83 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑުގެ ލޯޔަރ މުޢިޒު ޖަލަށް ވަޑައިގަތުމުން އަޅުގަނޑު ނެރުނެވެ. މުޢިޒު ގާތުގައި ބޫކުހަޅުތާލުގެ ވާހަކަނަންގަތުމުން އަޅުގަނޑަށް ދެއްވީ ދިގުނަޞޭޙަތެކެވެ. ވިދާޅުވީ ތިޔައަޑު އަހާފައިވާ ކަމަށެވެ. މުޢިޒުގެ ނަޞޭޙަތަކީ އަޅުގަނޑަކީ ޑައިބެޓިކް މީހަކަށްވާތީ އެކަމުގައި ބައިވެރި ނުވުމަށެވެ.
އަދި ސައްޕެ އާއި އިލްޔާސް ހައިހޫނު ކަމުގައި ބަޑަށް ހުރުމުގައި ބައިވެރި ނުވުމަކީ ރަނގަޅު ކަމެއްކަމުގައި ވިދާޅުވެ ދެއްވިއެވެ. އަދި މިއީ އޭނާގެ އަމިއްލަ އެދުމެއް ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެން މިކަމުގައި ބައިވެރި ނުވެއްޖެނަމަ ވަރަށްގޯސް ވާނެކަމަށް ދެންނެވުމުން، ވިދާޅުވީ ޑޮކްޓަރަކައި ބައްދަލުކޮށް ލަފާހޯދައިގެން ނޫނީ، އިލްޔާސް ނުކައިހުރެގެން ނުވާނެކަމަށެވެ.
އިލްޔާސަކީ މިހާރު ޑައިބެޓިކް މީހެކެވެ. މުޢިޒު މިގޮތަށް ބާރުއެޅުއްވުމުން މިއަދު ޑޮކްޓަރާ ބައްދަލުކޮށް ލަފާހޯދާނަމޭ ދެންނެވީމެވެ. ދެން އެންމެރަނގަޅޭ ވިދާޅުވިއެވެ. މާލޭގެ ޚަބަރުތައް ރަނގަޅުކަމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލު ވުމަށް ފަހު، އަޅުގަނޑު ޑޮކްޓަރ ޝަކީލްއައި ބައްދަލުވާން އެދުމުން ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދެއްވިއެވެ. ޑޮކްޓަރ ޝަކީލް ކޮންމެދުވަހަކު ވެސް ޖަލަށް ކުއްވެރިން ބެއްލެވުމަށް ވަޑައިގަންނަވައެވެ.
މާލަސް ތަކެއްނުވެ ޑޮކްޓަރ ޝަކީލް ކައިރިއަށް އަޅުގަނޑު ނެރުނެވެ. ޝަކީލަށް ބޫކުހަޅުތާލުގެ ވާހަކައާއި މާދަމާރޯދަ ވީއްލަން ގެންނައެއްޗެހި ގެނައިމާ ނުނަގައި، އަދި ނުކައި ތިބެގެން ފަށަން ހަމަޖެއްސި ވާހަކަ ނަންގަތުމުން ޑޮކްޓަރ ޝަކީލް ވިދާޅުވީ ޑައިބެޓިކް މީހުން ރަނގަޅުވާނީ ކެއުމުންނެވެ. ނުކައިތިބެގެން ހަކުރުދަށްވެ އަނބުރައުގަނެ ކޯމާއަކަށް މީހާ ހިނގައްޖެނަމަ، ވަރަށް ނުރައްކާވާނެއެވެ. ސިކުނޑިން ބައެއްސެލްތައް މަރުވެގެން ދާނެކަމަށް ބުނެދިނެވެ. އެހެންވުމުން ޑައިބެޓިކް މީހުން ރަނގަޅުވާނީ ބަރާބަރަށް ކެއުމުންނެވެ.
ބައެއް ޑައިބެޓިކް މީހުން ރޯދައަށް ތިބެނީވެސް ވަރަށް ބަލައިގެންނެވެ. އިލްޔާސަށް ހުރިހާވާހަކައެއް މިކިޔައި ދެވުނީއެވެ. ދެން މީގެއިތުރުން ބުނެދޭނެ އެއްޗެއް ނެތެވެ. ކެއުމާއި ނުކެއުމަކީ އިލްޔާސްގެ އަމިއްލަކަމެކެވެ. އަޅުގަނޑު މިތާނގައި ހުރިއްޔާ އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދީ ހިފާއްޓައި ދޭނަމެވެ. އެހިސާބަށް ދިއުމުން ދޭންޖެހޭ ފަރުވާ، ޑޮކްޓަރީގޮތުން ދޭނަމެވެ. ވަރަށް ރަނގަޅަށް ބަލަހައްޓައި ދޭނެކަމަށް ވިދާޅުވިއެވެ. ބޫކުހަޅުތާލަށް ދިއުމާއި ނުދިއުމަކީ އިލްޔާސް އަމިއްލައަށް ނިންމަން ޖެހޭނެ ކަމެކެވެ.
ތިޔަކަމުން ރަނގަޅުގޮތެއް ވެސް ވެދާނެއެވެ. ހަންގަރސްޓްރައިކަކީ ދުނިޔޭގައި ސިޔާސީމީހުން ކޮށްއުޅޭ ކަމެކެވެ. ތިމަންނާ އިތުރަށް ދަންނަވާނޭ އެއްޗެއް ނެތެވެ. ދެން ގޮޅިއަށް ގެނެސްލީއެވެ. ޑޮކްޓަރުގެ މިވާހަކަތައް އަހާފައި އަޅުގަނޑު ނިންމީ ކަދުރާއި ފެންބޮއިގެން، އަޅުގަނޑު ވެސް މިބޫކުހަޅުތާލުގައި ބައިވެރިވާށެވެ. މާދަމާ ރޯދަވީއްލާގަޑީގައި ފެނާއި ކަދުރު ނޫން، އެހެންއެއްޗެއް ނުނަގާގޮތަށް އެންމެން އަހުދުކޮށް ނިންމީއެވެ.
މިއަދު ވަރަށް ހަވީރުވެފައި ވަނިކޮށް ތަޙުޤީޤަށް ނެރުނެވެ. ތިއްބެވީ، ޢަލީ އަހްމަދާއި ޝާޠިޙެވެ. މުޅިންވެސް އެއްސެވީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކުގެ ވާހަކަތަކެވެ. ދިރާގުންއޮތީ ހުރިހާތަފްސީލެއް ހޯދައިގެން ގެނެސްފައެވެ. އެލިސްޓުގައި ހުރިހުރިހާ ކޯލްތަކަކާ ގުޅިގެން ވަކިވަކިން ކޮންމެކޯލަކާ ގުޅިގެން ސުވާލުކުރިއެވެ. އަޅުގަނޑު ހަނދާންހުރި ވަރަކުން ތެދަށް ކިޔައިދިނީމެވެ.
މިއަދު ބޮޑަށް ސުވާލުކުރީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކަށެވެ. ރަފްބަޔާނެއް ނަންގަވައިގެން އޭގައި އަޅުގަނޑު ލައްވާރަފްކޮށް ސޮއިކުރުވައިގެން މިއަދަށް ނިންމާލެއްވީ، މާދަމާ ރިސީވްވެފައި ހުރިކޯލްތަކާ ބެހޭގޮތުން ރަފްބަޔާނެއް ނަގާފައި ދެބަޔާން އެއްކޮށްލާފައި އަސްލުބަޔާން ހަދާނީއޭ ކިޔާފައެވެ.
މިކަން ނިމިގެން އިރުކޮޅަކު ވާހަކަދައްކާލަން ތިބީމެވެ. ޢަލީއަޙްމަދު ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅު ގޮތެއް، އިލްޔާސަށް ވާނެކަމަށެވެ. ހަމަ މިރޭވެސް މާލެއަށް ގެންދެވުން އެކަށީގެން ވެއެވެ. މިހާރުތިޔަ ހުންނެވީ ގެންދަން ވެފައެވެ. ލަސްމިވަނީ ކީއްވެގެންކަމެއް އޮޅުންނުފިލާ ކަމަށެވެ. ގެއަށް ބަދަލު ކުރުމުގެ ބާރު މިހާރު އޮންނަނީ ކޮމެޓީއަށެވެ. ތަޙްޤީޤުތައް މިވަނީ ނިމިފައެވެ. މިއީ ފުރިހަމަކޮށްލަން ކޮށްލާކަމެކެވެ.
އިލްޔާސްގެ މައްސަލަ މިހާރުވާނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ތިޔަހުންނެވީ ގެއަށް ގެންދާން ވެފައެވެ. ސިފައިން ވެސް އަޖައިބުވެ އަޅުގަނޑު ގެއަށް ގެންދިއުން ލަސްވާތީ އަޅުގަނޑު ކުރިމަތީގައި އެކަން ފާހަގަކޮށްލީއެވެ. މިވާހަކަތަކަށް ފަހު، ސަލާމްކޮށްލާ ހަދާފައި ގޮޅިއަށް ގެނައުމުން، އައިސް ގޮޅިގައި އިންއިރު ހިތަށްއަރާ އެއްޗަކީ، މިހާރު އަޅުގަނޑު ގެއަށް ނުގެންގޮސް މިހިފާއްޓަނީ، ރައީސް މިކަމަށް އުފެއްދެވި ކޮމެޓީގެ ބޮޑަކަށް ހުންނަވާ ބޭފުޅާގެ ސަބަބުން ކަމަށެވެ. މިނިސްޓަރު ޙަމީދުގެ ބޭފުޅާ، މައުމޫން ޙަމީދަކީ މިކޮމެޓީއަށް ގާނޫނީލަފާދޭ އިސް ބޭފުޅާއެވެ.

4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 84 ވަނަ ދުވަހެވެ. މިއަދު ތަޙްޤީޤަށް ނެރުނެވެ. ސުވާލުކުރެއްވީ އަޅުގަނޑަށް ރިސީވްވެފައިހުރި ފޯންކޯލްތަކާ ގުޅިގެންނެވެ. ރަފް ބަޔާނެއް ނެގުމަށްފަހު ކުރީދުވަހުގެ ބަޔާއި މިއަދުގެބައި އެއްކޮށްލައިގެން އެއްބަޔާނަކަށް ކޮމްޕުން ޓައިޕްކޮށް ޕްރިންޓެއް ގެނެސް އަޅުގަނޑަށް ދައްކާލުމުން ބައެއް އިސްލާހުތައް އެބަޔާނަށް އަޅުގަނޑު ގެނައިމެވެ. ދެން ތަޙްޤީޤު އޮންނަ ދުވަހަކުން މުޅިން ނިންމާލާނީއޭ ކިޔާފައި ސޮއި ނުކުރުވާ މިއަދަށް ނިންމާލީއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ.
މިއަދު ހަވީރު، އިލެކްޝަންސްކޮމިޝަނުން އަޅުގަނޑަށް ފޮނުވި ފޯމްތަކާއި މަޖިލީހުގެ ޔައުމިއްޔާތަކުގެ ބޮނޑިއެއް ގެނެސްދިނެވެ. މިބޮނޑިވަރު ތެރޭގައި ޤާނޫނު އަސާސީއަކާއި ބޮޑު މަޖިލީހުން އަޅުގަނޑަށް އެޑްރެސްކޮށް ފޮނުވާފައިވާ ދެސިޓީއެއް ވެސް އޮތެވެ. މިއެއްޗެހިތައް ލިބިމުން ކިޔާލުމަށް އާސާމާނުތަކެއް ލިބުނީމާ ވަރަށް އުފާވިއެވެ.
ޖެހިގެން އޮންނަވާ ފުރަހަނި ޝުޢައިބަށް ބައެއް ޔައުމިއްޔާތައް ކިޔާލެއްވުމަށް ދިނީމެވެ. އަޅުގަނޑާ ޝުޢައިބާއި މަޝްވަރާކޮށްފަހި ނިންމީ އަޅުގަނޑު މާލޭގެ ގޮނޑިއަކަށް ކުރިމަތިލާށެވެ. އަދި ޝުޢައިބު ހދ.އަތޮޅުގެ ގޮނޑިއަކަށް ކުރިމަތި ލައްވާށެވެ. ~ނުނިމޭ~



Comments