top of page

ޖޖަވާހިރުވާދީ އިލްޔާސް، ފަސްވަނަ ފަހަރު ޖަލަށްލުވުނީ، 2004 އޯގަސްޓު 12-13 ގެ އިސްލާހީހަރަކާތުގައެވެ. (2 ވަނަ ބައި)

Writer: ilyashusein
ilyashusein
11 minutes ago
35 min read

*ޕުރައިވެޓު މުހައްމަދު އަބްދުއްރަހުމާނު ތަހުގީގަށް ދީފައިވާ ބަޔާން:

*ލާންސްކޯޕަރަލް މުހައްމަދު ރާއިދު ތަހުގީގަށް ދީފައިވާ ބަޔާން:

*އަލީ އަބްދު ﷲ ތަހުގީގަށް ދީފައިވާ ބަޔާން:

*އިސްލާމީ މަރްކަޒުގައި ކުރެވުނު ފަތިސްނަމާދު:

*ބުއިމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސުން:

*ޙާދިޘާ "ކަޅުހުކުރު" ހިނގިދުވަސް:

*ޖަލަށް ގެންދިއުން:



ޕުރައިވެޓު މުހައްމަދު އަބްދުއްރަހުމާނު ތަހުގީގަށް ދީފައިވާ ބަޔާން:


އަދި އެދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕުރައިވެޓް (ސނ: 1459) ގެމަގާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-074041 އުފަންދުވަސް، 09 ޖޫން 1980 އަލްފާޟިލް މުޙައްމަދު ޢަބްދުއްރަޙްމާން، ށ.ކޮމަންޑޫ ބީޗްވިލާ މޯލްޑިވް ޕޮލިސް ސާވިސަށް، މިޙާދިޘާއާގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައި މިފަދައިން ވެއެވެ.


"12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 7:30 ހާއިރު އަޅުގަނޑު ފުލުސް އޮފީހުގައި އުޅެނިކޮށް ޢާއްމުންގެބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަނގުއުތުރު ކަންމަތީގައި ހުންނަފޯނު ބޫތުތައް ކައިރިއަށް އެއްވެފައިތިއްބާ ފެނިގެން އަޅުގަނޑު ވެގެންއުޅޭގޮތެއް ބަލަން އެކަނި އެދިމާލަށް ދިޔައިމެވެ. އަޅުގަނޑު އެތަނުގައި ހުއްޓާ މަޑުމަޑުން މީހުންތައް އެއްވަމުން ގިނަވަމުން ދިޔައެވެ.


އަދި ޕޮލިސް ހެޑްކްއޯޓަޒްއިން ނުކުމެގެން ދިޔަމީހަކު (ނަމާއި އެޑްރެސް ނޭނގޭ) އެމީހުން ކައިރިޔަށް ގޮސް، "ތިމަންނަ ދޫކޮށްލީއޭ، ދެން ހިނގާށޭދާން" މިހެން ބުނުމުން އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި ހުރި، ގއ.ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރު، އަދި އެހެނެއް ނުދެވޭނެއޭ ތިމަންނަމެންގެ ފޮޓޯގްރާފަރުން (ނަމެއް އަދި އެޑްރެހެއް ނުބުނޭ) އެތާވެއްޖެއޭ، އެމީހުން ދޫކޮށްލި އިރަކުންނޭ ދެވޭނީބުނެ، ދާންއުޅުނު މީހުން މަޑުކުރުވާ ރައްޔިތުން އެއްކުރާށޭ ކިޔާގޮވާ ހެދިއެވެ.


އަދި އޭރު އެތަނުގައި ތިބީ، ގ.ބެރުގޭ ނަވީނާއި މ.ކުޑަވެޔޮމަތީގޭ އަޙްމަދު ފަލާޙާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލެވެ. (މިވަގުތަކީ އިބުރާ އެސަރަހައްދު ބައްލަވާލައްވާއި ދިރާސާކޮށް ލައްވަން ވަޑައިގެންނެވި ވަގުތެވެ.) އެމީހުން ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަގުއުތުރު ކަންމައްޗާ ދިމާލުގައި ހުންނަ ބޫތުތައް ކައިރީގައި ތިބެފައި ސިފައިންގެ މައިމަރުކަޒުގެ ކުރިމައްޗާ ދިމާލުން ޖުމްހޫރީ މައިދާނުގެ ތެރޭގައި މަޑުކޮށްލިއެވެ.


އަދި އެތަނުގައި ތިބެގެން ސަރުކާރުން ކަންތައް ކުރާގޮތާމެދު ހިތްހަމަނުޖެހޭ ވާހަކަ އާއި ސަންދާނު މައްސަލާގައި ހައްޔަރުކޮށްފައި ތިބި ދެމީހުން (ނަމާއި އެޑްރެހެއް ނުބުނޭ) ދޫކުރުމަށް ގޮވަމުން ދިޔައެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ، 00:00 އާއި 01:00 އާދެމެދުގެ ވަގުތެއްގައި ހ.ހުޅުގަލި އިބްރާހީމް ހުަސައިންޒަކީ އާއި ގ.ހަސަންކާރިގޭ ޑޮކްޓަރ މުޙައްމަދު މުުނައްވަރު އާއި މ.މާފަންނުވިލާ ބުރުމާ ގާސިމާއި ހ.ގްރީންގޭ މުޙައްމަދު މާހިރާއި އަދިވެސް އިތުރުބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިޔަށް ދިޔައެވެ.


އޭރު ސިފައިންގެ މައިމަރުކަޒު ކައިރިއަށް އާންމުންގެ ވަރަށްގިނަ ބަޔަކުއެއްވެފައި އޮތެވެ. ގާސިމް އިބްރާހީމް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ގޮސްހުރި ހުރުމުގައި "ކުރީރޭ ލޮނުޒިޔާރަތް ކޮޅަށް އެއްވި އެއްވުމުގައި ނަސީމް (ކޮންނަސީމެއް ކަމެއް ނޭނގޭ) އާއި ޖެހުނު މައްސަލައެއްގައި ވެސް ރައީސް މައުމޫނަށް ދެންނެވުމުން ނަސީމް ފުލުސް އޮފީހަށް ނުގެނެސް ދޫކޮށްލީއޭ ކަލޭމެންވެސް ހަމަޖެހޭށޭ، އަހަރެން ބޭނުންކަންތައް ވާނޭ" މިހެންބުނިއަޑު އަޅުގަނޑު އެހީމެވެ.


(ގާސިމް މި ވިދާޅުވި ނަސީމަކީ އޭނާ އެދުވަސްވަރު ގެންގުޅުއްވި ނަފާނަސީމްގެ ނަމުން މަޝްހޫރު ވެފައިވާ އިގްތިސާދީމާހިރެއް ގޮތުގައި ވިދާލި، ނަފާ ނަސީމެވެ. މިނިސްޓްރީ އޮފް ފައިނޭންސްގެ މިނިސްޓަރު ކަން ގާސިމަށް ލިބިލެއްވުމުން މި ނަފާ ނަސީމް އޭނާގެ ދަށުން ފައިނޭންސް މިނިސްޓްރީގައި މިޝީރަކަށް ގެންގުޅުއްވިއެވެ. މި ޙާދިޘާގެ ފަހަތުގައި ވެސް ފޮރުވިފައި އޮތް ސިޔާސީ ރޭވުންގަނޑެއް އޮތްކަމަށް ބެލެވެނީ، ގާސިމާއި ސަމަރޭ އާއި އިލްޔާސް އިބްރާހީމް އެއްބަޔަށް ކުޅުއްވަމުން ގެންދެވި އިރު އެނެއްބައިގައި ފަތުޙުއް ﷲ ޖަމީލާއި ޒާހިރު ޙުސައިނާއި އަބްދު ﷲ ހަމީދާއި ޔާމީނު މެން ވެސް ސިފައިންގެ ތެރޭގައި މުހިންމު ރޯލެއް ކުޅުއްވިކަން ސާބިތުވާތީއެވެ. މި ދެ ކޭންޕަކީ ސިޔާސީގޮތުން އެތެރެފުށުގެ ހަތުރުންނެވެ.)


އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރު، ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ނުގޮސް ގާސިމް އިބްރާހީމް މެންނާއި ވަކިވެގެންގޮސް ޖުމްހޫރީ މައިދާނުގެ އިރުއުތުރު ކަންމަތީގައި ހުންނަ ފިތުރޯނުގަސް ކައިރީގައި ވާހަކަދައްކަން (ދެއްކީ ކޮންވާހަކައެއް ކަމެއް ނޭނގޭ) ތިއްބާ އެތަނަށް، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އައިސް އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރައި ސަލާމްކޮށް ލުމަށް ފަހު، ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ނަމަވެސް އިލްޔާސް ހުސައިން އިބްރާހީމް ބުނީ ކީކޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.


ޒަކީ މައިދާނުގައި
ޒަކީ މައިދާނުގައި

މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީ އެތަނުގައި، 5 މިނެޓެއްހާއިރު ވާހަކަދައްކަން ތިބުމަށްފަހު އެތަނުން ދިޔައީއެވެ. ނަމަވެސް ދިޔައީ ކޮންތަނަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޖުމްހޫރީ މައިދާނަށް އެއްވެފައިވާ މީހުން، އެތަނުގައި ތިބެގެން ހަޅޭއްލަވާ ސިފައިންގެ މައިމަރުކަޒާ ދިމާލަށް ދާންފެށުމުން ބްރިގޭޑިއަރ މޫސާ އަލީ ޖަލީލް އަޑުގަދަކުރާ ބޭނުންކޮށްގެން މަޑުމައިތިރި ކަމާއެކު، ޖުމްހޫރީ މައިދާނުގެ ތެރެއަށް ދިއުމަށް އެދުނެވެ.


ނަމަވެސް އެއިންއެއްވެސް އަޑެއް އެތަނަށް އެއްވެފައި ތިބި މީހުންގެތެރެއިން އެއްވެސް މީހަކަށް އިވޭކަމަކަށް ނުހަދާ އަޑުގަދަ ކުރަމުން ދިޔައެވެ. އަދި އެމީހުން ހަޅޭލަވާއަޑު ގަދަކޮށް ސަރުކާރުން އަންގާއެންގުމަށް ކިޔަމަންތެރި ނުވުމުން ބްރިގޭޑިއަރ މޫސާ އަލީ ޖަލީލް ވާހަކަދައްކަން ބޭނުންކުރި އަޑުގަދަކުރާ ޖުމްހޫރީމައިދާނުގެ ތެރެއަށް ގެންދިޔައެވެ.


އަދި ރައްޔިތުން އެދޭ ކަންތަކަކީ ކޮބައިތޯ ސުވާލުކުރުމުން އެއްވެފައި ތިބި މީހުންގެތެރެއިން ބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގައި ބަންދުކޮށްފައި ތިބި ބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ދޫކޮށްލަން އެދުނެވެ. އަދި ހަމައެހެންމެ އެއްވެތިބި މީހުންއެދުނު މީހުން، ސަރުކާރުން ދޫކޮށްލާނެކަމަށް ބުނެ، އެމީހުންދޫކޮށް ލުމުންވެސް އެއްވެފައި ތިބި މީހުން، ސުލްހަވެރިކަމާއެކު ގެއަށްދާ ޚިޔާލެއް ނުކުރިއެވެ.


އަދި އެއްވެފައި ތިބި މީހުންގެ ތެރޭގައިހުރި، ސޫޒަން އިބްރާހީމް، މ.ލެމަން ރައީސް މައުމޫނު އިސްތިޢުފާ، އަބްދު ﷲ ޙަމީދު އިސްތިޢުފާ، އާދަމް ޒާހިރު އިސްތިޢުފާ، މުޙައްމަދު ޒާހިރު އިސްތިޢުފާއޭ ގޮވާ، ރާއްޖޭގެ ބައިތުލްމާލު ބަނޑުއަޅާލައިގެންނޭ އަބްދު ﷲ ކަމާލުއްދީން އެ އޮންނަނީ، ފެންބިލާއި ކަރަންޓްބިލް ނިކަމެތިންނަށް އެކަށީގެން ނުވާވަރަށް ބޮޑުކޮށް އެމީހުންއަތުން ލާރިކަނީއޭ، އަދި އިސްމާޢީލް ޝަފީޢު އުޅެނީ ރާއްޖޭގައި ހުރި އެންމެބޮޑު ނާސިގެ ހަދައިގެންނޭ ވެސް ގޮވާ އަޑުގަދަ ކޮށްފައި ވެއެވެ.


ދެން މާލޭ މެމްބަރު މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ޖުމްހޫރީ މައިދާނު ބޮޑުދިދަބުޑަށް ގޮސް ޖުމްހޫރީ މައިދާނަށް ގެންދިޔަ މައިކްސިސްޓަމް ބޭނުންކޮށްގެން މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އިހާނަތްތެރިކޮށް ކަންތައްކުރާ ކަމަށާއި، ސިފައިން ޖަލުގައި ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާކަމަށް ވާހަކަދައްކާ ހެދިއެވެ.


އަދި އެމީހުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށް ނުދެނީސް ޖުމްހޫރީ މައިދާން ދޫކޮށްލާފައި ނުދާނެކަމަށް ބުންޏެވެ. އަދި ރައްޔިތުން އެދޭ އެދުންތައް ޙާޞިލް ނުވަނީސް އޭނާ ލޮލުފިޔަވެސް ނުޖަހާނެ ކަމަށާއި، އޭނާގެ ޙާލުހުރިގޮތުން ކޮޅަށް ހުރެވޭވަރު ނުވިނަމަވެސް ރައްޔިތުންނަށް ޓަކައި އޭނާ ޖުމްހޫރީ މައިދާނުގައި ހުންނާނެ ކަމަށްބުނެ ވާހަކަދައްކާ ހެދިއެވެ.


އަދި މ.ކަރިޝްމާވިލާ އަޙްމަދު އިބްރާހީމް ދީދީ، މައިކުން ވާހަކަދައްކަމުން އޭނާ ސަންދާނު މައްސަލާގައި ޖަލުގައި ހައްޔަރުކޮށް، ސަރުކާރުން ނުހައްގު އަދަބުތަކެއް ދީފިކަމަށާއި، ދަނގަނޑު ހޮޅިއެއްގައި އެކޮޅުކޮޅުން އެލުވާއި އޭނާ އާއި ސުވާލުކުރަން ނުޖެހޭ މޭރުމުން، ލޭޑީ އިބްރާހީމް މަނިކު ސުވާލުކޮށް ހަދާފައިވާ ކަމަށާއި، އިންސާފަކީ މީތޯއޭ ބުނެ އެއްވެފައި ތިބި މީހުންނަށް ސުވާލު ހުށަހަޅާ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމަކީ، ދިވެހި ރައްޔިތުންނަށް މަކަރުހަދާ އޮޅުވާލައިގެން އުޅޭ މީހެއް ކަމަށާއި، އެފަދަ މީހުންނަށް ކޮންވެރިކަމެއްހޭ ކުރެވޭނީ ވޭތުވެދިޔަ، 26 އަހަރު ތެރޭގައި ވެރިކަން ކުރެވިފައި ނޫންހޭ ހުންނާނީ ދެންފައިބާށޭ ބުނެ އަޑުގަދަކުރާއިން ގޮވަމުން ދިޔައެވެ.


އަދި އަހްމަދު އިބްރާހީމް ދީދީ، ޖުމްހޫރީ މައިދާނުގައިހުރި ބޮޑުދިދަ ހުންނަރޮސްޓަމް މަތީގައި ހުއްޓާ މޭޖަރޖެނެރަލް މުޙައްމަދު ޒާހިރު، ސައުންޑް ސިސްޓަމް ބަލާދިއުމުން "އަހަރެންވަކި މުޙައްމަދު ޒާހިރަށްވުރެ ކަޅީހޭ، ހުތުރީހޭ، ނުވަތަ ތަޢުލީމީ ފެންވަރު ދަށީހޭ، ތިމަޚްމާގަނޑު އަހަރެންގެ ކޮނޑުގައި ޖެހިޔަސް ކިޔާނީ ޗީފް އޮފް ސްޓާފްއޭ، މިއީ ސަރުކާރުގެ އެއްޗެކޭ، ރައްޔިތުންގެ އެއްޗެކޭ، މިމައިކު ބަލާ އަންނަން ކޮބައިތޯ އިންސާފަކީ" ބުނިއަޑު އަޅުގަނޑު އެހީމެވެ.


އަދި އޭނާ ނެރުނު ސަންދާނު ނޫހަކީ، ހަގީގަތާ އެއްގޮތަށް ލިޔެފައިވާ ނޫހެއްކަމަށާއި، އޭގައި ހަގީގަތާޚިލާފު އެއްވެސް ވާހަކައެއް ލިޔެފައި ނޯންނާނެ ކަމަށާއި، ސަރުކާރުން ކަންތައްތައް ސިއްރުކުރަން ބޭނުންވާތީ އޭނާ ހައްޔަރުކޮށްގެން ނުހައްގު އަނިޔާތަކެއް ދިނީކަމަށް ބުނެ އަޑުއުފުލާ ހަދާފައި ވެއެވެ.


އަދި ސަންދާނު ނޫހުގެ ކޮޕީއެއް، ޔޫއެންގެ މޭޒުމަތީގައި ވެސް އޮންނާނެ ކަމަށާއި، އެބޭފުޅުންވެސް ސަންދާނުގައި ލިޔެފައިވާ ވާހަކަތަކަކީ ލިޔެވޭނެ ވާހަކަތަކެއް ކަމަށްބުނެ އެނޫހާ ދޭތެރޭ ތާއިދުކޮށްފައި ވާކަމަށާއި ސަންދާނު ލިޔުނު ގަލަންވެސް އޭނާގެ ޖީބުގައި މިއޮތީއޭ މިހެން ބުންޏެވެ.


(ސަންދާނު އަހަންމައިދީ ޖުމްހޫރީ މައިދާނަށް ވަޑައިގަތީ ޓެކްސީއެއްގައި އަމިއްލަފުޅަށެވެ. އޭރު އޭނާ ހުންނެވީ ގޭގެބަންދުގައެވެ. ސަންދާނު ޒަކީ ވެސް ހުރީ ގޭގެބަންދުގައި މާލޭގައެވެ. މީނާ ކައިރިއަށް ވެސް ބަޔަކު ޓެކްސީއެއްގައި ބަލާދިޔައެވެ. އެހެނަސް އޭނާ ހުންނެވީ، ބަނޑުގައި ރިއްސާތި އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ގެއިން ނުނިކުންނެވީއެވެ.)


ގޭބަންދުގައި ހުންނެވި އަހަންމައިދީ އަމަލީ ކަންކަމުގައި މައިދާނުގައި
ގޭބަންދުގައި ހުންނެވި އަހަންމައިދީ އަމަލީ ކަންކަމުގައި މައިދާނުގައި

އަދި މައިކް ސިސްޓަމް ބޭނުންކޮށްގެން، ގ.ކެނެރީގޭ ޒުހައިރާ ޢުމަރު، ދެއްކި ވާހަކާގައި ސަރުކާރުން ޖަލުގައި ހައްޔަރު ކުރެވޭ މީހުންނަށް އެއްވެސް ހައްގަކާނުލާ އަދަބުދީ އަނިޔާކުރާ ކަމަށާއި، ބޭނުންވަނީ ސަރުކާރު ބަދަލުކޮށްލަން ކަމަށާއި، ވޭތުވެދިޔަ، 26 އަހަރު ތެރޭގައި އެފަދަ އަނިޔާތަކަށް ކެތްކޮށްގެން ތިބެވިއްޖެ ކަމަށާއި، ދެން ކެތެއް ނުކުރެވޭނެ ކަމަށާއި، ވާވަރުވެއްޖެ ނޫންހޭ، ދެން ފައިބާށޭބުނެ އަޑުއުފުލާ ހެދިއެވެ.


އަދި ދިވެހި ސިފައިންނަކީ، މީހުންމަރާ ބައެއް ކަމަށާއި، މީކޮންކަހަލަ ގާނޫނެއް އޮންނަތަނެއްހޭ ކުށެއްނެތް ކިތައްމީހުންނަށްހޭ އަނިޔާކޮށް ހަދަމުންދަނީ، މިއަދަކީ މީ، އަހަރެމެންގެ ދުވަހޭ، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ގައުމަށްޓަކައި ސާބިތުވެ ތިބޭނަމޭ ނިކަންކެރިގެން އައިސްބަލާށޭ، އަހަރެމެންނަށް ވެސް ކުރެވުނު ވަރެއް ކުރާނަމޭ، އެންމެ ފަހު ނޭވަޔާ ޖެހެންދެން ވެސް ގައުމަށްޓަކައި ޖިހާދުވާން މިތިބީ ތައްޔާރަށޭ، ބުނެގޮވާ ހަދަމުން ދިޔައެވެ.


ޒުހޭރާ ވާހަކަދައްކަވަނީ
ޒުހޭރާ ވާހަކަދައްކަވަނީ

ދޭތެރެ ދޭތެރެއިން، ދ.ކުޑަހުވަދޫ މެޑޯޒް އިބްރާހީމް ފަރީދު ވެސް މައިކުން، ކީރިތިޤުރުއާނުގެ އާޔަތްތައް ކިޔަވާއި ތަޤްރީރުކޮށް އޭނާއަކީ ވެސް ޖަލުގައި އެއްވެސް ކުށެއްނެތި އަނިޔާލިބިފައިވާ މީހެއްކަމަށާއި އެއްވެސް ކުށެއްނެތި ޖަލުގައި މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށް ބުނެ، އަޑުއުފުލާ ހަދަމުން ދިޔައެވެ.


މެދުކެނޑުމެއްނެތި އެކިމީސްމީހުން ސަރުކާރާ އިދުކޮޅު ވާހަކަތައް ދައްކަމުން ދިޔައިރު، ސ.މީދޫ ހަސަންކާރިގޭ ހުސްނުއްސޫދު މައިކުން، 13 އޯގަސްޓް 2004 ވަނަ ދުވަހުގެ ހެނދުނު، 09:00 ހާއިރު ޖަލުގައި ހައްޔަރު ވެފައިތިބި އަހަރެމެންގެ ރައްޓެހިން، ޖަލު ފުނޑާލާފައި ނިކުމެ ދޯންޏެއްގައި އެބައަންނަ ކަމަށާއި އަދި އޭނާ ސިފައިންނަށް އިންޒާރު ކުރަމުން ހަނދާންކުރާށޭ އެއިން އެއްވެސް މީހަކަށް ގެއްލުމެއް ދީ އަނިޔާއެއް ކޮށްފިއްޔާ ސިފައިންގެ އާލާތުންގެ އަނބިދަރިންނަށް ދަންދެން ކޮށާލާނަމޭ ބުނެ ބިރުދައްކާ އިންޒާރުކޮށް ހެދިއެވެ.


އަދި އޭގެ ކުޑައިރުކޮޅެއް ފަހުންވެސް މާފުށިން ފުރައިގެން އަންނަދޯނި މާލެއައި ވަރަށްކައިރި ވެފައިވަނިކޮށް ސިފައިން ދޯންޏާދިމާކޮށް ދޯނީގައި ތިބި މީހުންގަޔަށް ކަރުނަގޭސް ޖަހައިދޯނި ފައްތާލައިފިކަމަށް ބުނުމުން އެއްވެފައި ތިބި ޢާއްމުންގެ ތެރެއިންބަޔަކު ޕޮލިސް ހެޑްކްއޯޓަޒައި ދިމާލަށް އަރައިގަނެ ޕޮލިސް ހެޑްކްއޯޓަޒްގެ ކުރިމަތީގައި އެތަން ސަލާމަތް ކުރުމަށްތިބި ސިފައިންނާ ދިމާލަށް އަރައިގަނެ ސިފައިންގެ ދެމީހެއްގެ ގަޔަށް ވަޅިހެރިއެވެ.


(މިއީ މުޅިން ވެސް ސިފައިންގެ ވެރިން، އާދަމް ޒާހިރު މެންގެ ސިއްރު ރޭވުމެވެ. ބޮޑުންގެ މަކަރުވެރި ސިއްރު ޕުލޭނެވެ. ޕާޓޭން ޖަލުން ދޫކޮށް ދޯންޏެއްގައި ފުރުނަދީފައި ކަނޑުމަތިން ހުރަސް އެޅިކަމަށް ހެދިއެވެ. އަދި މާލެ ތެރެއިން ގޭންގުތަކާއި ޕާޓޭގުރޫޕުތައް ނެތެ ބޮޑުދިދަ އެރޭ ކަނޑާލަން އުޅުވި ގޮތަށް ސިފައިންގައިގާ ތަޅާއި އަނިޔާކޮށް ވަޅިހަރާ ހެދީ މިޕާޓޭންގެ ކުދިންނެވެ. މިކަންކަން ދަނެގަނެވެނީ ސިފައިންގެ ކުދިންގެ ބަޔާންތަކުންނާއި ދެން ހުރި ހުރިހާ ނުކުތާތަކެއް އެއްނުކުތާ އާއި އަނެއްނުކުތާ ގުޅާލައި ވިސްނުމުންނެވެ. މިހުރީ ވަރަށް ކޮށާއިމަށާހެދުމަށް ފަހު ނެރެފައި ހުރި ބަޔާންތަކެވެ. މިބަޔާންތައް އަޅުގަނޑު މެންނާ ހަމައަށް ގެނެސްދެއްވީ ގާޒީގެ އަމުރަށް ކޯޓުންނެވެ. އެހެންނޫނީ މިއީ އަޅުގަނޑުމެންނަށް ފެންނާނެ ބަޔާންތަކެއް ނޫނެވެ.)


އަދި އެވަގުތު އަޅުގަނޑު ހުރީ ތަންކޮޅެއް ދުރުގައިކަމުން ވަޅިހެރީކޮން ބައެއްކަމެއްކަމާއި އަނިޔާލިބުނީ ކޮންބަޔަކަށް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އަދި، 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީމައިދާނަށް އެއްވެތިބި މީހުންގެ ތެރެއިންބަޔަކު (ކޮންބައެއް ކަމެއް ނޭންގޭ) ފުލުސް އޮފީސް ކުރިމަތީގައި އެތުރިގެންތިބި ސިފައިންނާ ދިމާލަށް، ގަލާއިފުޅި ފަދަތަކެތި އުކާހެދިއެވެ. ނަމަވެސް އެތަކެތި އުކާހެދީކޮން ބައެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިޣައިރުގާނޫނީ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން، އަޅުގަނޑަށް ފާހަގަކުރެވުނު މީހުންގެ ފުރިހަމަ ނަމާއެޑްރެސް އަޅުގަނޑަށް އެނގުނީ ފުލުހުންގެ ތަހްގީގުންނެވެ.


މައިދާނަށް އެއްވި ހަވަރު
މައިދާނަށް އެއްވި ހަވަރު

މިބަޔާނުގައި އިނގިލީގެ ނިޝާނާއިސޮއި ކުރައްވާފައި ވަނީ، މުޙައްމަދު ޢަބްދުއްރަޙްމާނެވެ.

ބަޔާންނަންގަވާ ފައިވަނީ، ކޯޕަރަލް އަބްދުﷲ ނިޒާމް، ސނ: 1205 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ޝިނާޒު، ސނ: 1622 އާއި ކޮންސްޓަބަލް ތޮއްލަތު ރައޫފުއްދީން، ސނ: 1479 އެވެ. މޯލްޑިވް ޕޮލިސް ސާވިސް، މާލެ ގައެވެ.

މިބޭފުޅުން މިބަޔާން ނަގައި ސޮއި ކުރުވާފައިވާ ތާރީޚަކީ، 8 އޮކްޓޯބަރ 2004 ގައެވެ.


ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލާއި ޕުރައިވެޓް މުޙައްމަދު ޢަބަދުއްރަޙްމާނައި މިދެބޭފުޅުންގެ ބަޔާން ތައްޔާރު ކުރެވިފައި ވަނީ، ޖުމްހޫރީ މައިދާނަށް ފޯނުކޮށްގެން ގެންދެވުނު އިއްޒަތްތެރި މެމްބަރުންތައް ގާނޫނީގޮތުން ގޮޅިއަކަށް ފައްތާއި ބައްދާލުމުގެ ބޭނުމުގައި ވަރަށް ތަރުތީބު ކުރެވިގެންކަން ވިސްނެއެވެ.


މި ދެބަޔާނުގެ އަސްލުގެ ދެނަކަލު މިހާރުވެސް އަޅުގަނޑު އަތުގައި ކޯޓުގެ ތައްގަނޑު ޖެހުމާއެކު ލިބިފައި އެބައޮތެވެ. މުޙައްމަދު ޢަބްދުއްރަޙްމާނު ބަޔާނުގައި ގެނެވިފައި މިވަނީ، ޖުމްހޫރީ މައިދާނުގައި ވާހަކަދެއްކެވި އިސްލާހީ ހަރަކާތުގެ އެކިބޭފުޅުންގެ ވާހަކަތަކެވެ. މީނާގެ ބަޔާނުގައި ނޯބެގެ ވާހަކަ ނެތީ މޫސާ އަލީ ޖަލީލުގެ ބަޔާނުގައި ނޯބެގެ ވާހަކަ ގެނެވިފައި ވާތީއެވެ.


ނޯބެއަކީ ވެސް ކަޅުހުކުރު އައިއިރު، ގޭގެބަންދުގައި ހުރިބޭފުޅެކެވެ. އަދި ސަންދާނު އަޙައްމައިދީ ގެއިން ނުކުމެގެން އައިގޮތަށް ނޯބެވެސް ޓެނިހަކަށް އަރާ ތައްޔާރު ވެލައިގެން، އަމިއްލައަށް ގެއިން ނުކުމެގެން ޖުމްހޫރީ މައިދާނަށް އައީއެވެ. ނޯބެގެ ރޯލާ މެދު އަބަދުވެސް ޝައްކުތަކެއް އުފެދެއެވެ.


އަޅުގަނޑު ހިތުން، ޖުމްހޫރީ މައިދާނަށް އެންމެ ފުރަތަމައިން ދިޔަ އެޑްވާންސް ގްރޫޕް، ޖެނީމެން ނޯބެއާ ބައްދަލުކޮށް ހަދާފައި އެދިމާއަށް ދިޔައިރުވެސް، މިކަން ވަރުގަދަވެ ވައިގައި ހިފައިފިއްޔާ ނޯބެ ގެއިން ނުކުތުމަށް ރާވާފައި އޮވެ ދާނެއެވެ. އޭނާއަކީ ގޭގައި ބަންދުގައި އިނދެގެން، ބަރާބަރަށް ބޭރުގައި ތިބި އިސްލާހީ ހަރަކާތުގެ ލީޑަރުންނާއި ޚާއްސަކޮށް އަންނިއާ ގަވައިދުން ގުޅަމުން ގެންދިޔަ އެކެކެވެ. އަދި އެތެރޭގެ ވަރަށް ގިނަ ފަރާތްތަކާ ސިއްރު ގުޅުން ގެންގުޅުއްވާ ބޭފުޅެކެވެ.

ޢަލީ ވަހީދު ހަސަން މަނިކު އަކީ ހުރިހާ ފޮޓޯތަކެއް ބޭރުކޮށް ހެދި އެކަކެވެ. އެރޭ ފަތިސްވުމުގެ ކުރިން، ހައްޔަރުކުރުމަށް ސިފައިން ހެދި ލިސްޓެއްގައި އަލީވަހީދުގެ ނަންއޮތްކަން އޭނާއަށް އެނގިގެން، ހުކުރުދުވަހަށް އިރުއެރިތަނާހެން ލަންކާއަށް ފުރުމަށް އެއަރޕޯޓަށް ދިއުމުން އޭނާގެ ޕާސްޕޯޓް ހިފާއްޓާ ހެދިއެވެ. އެހެނަސް އަލީ ވަހީދު، އެތައް މައްސަލަތަކެއް ޖެއްސުމުން، ސިފައިން ހިފޭއްޓި ޕާސްޕޯޓް އިމިގްރޭޝަނުން އަނބުރާ ގެނެސްދިނުމުން ހެދުނު ފްލައިޓަކުން ލަންކާއަށް ފުރުނެވެ.


ޢަލީ ވަހީދު ލަންކާއިން އެނބުރި މާލެ އައީ، މިހުރިހާ ކަމެއް ނިމި ޖައްވުއަމާން ވުމުންނެވެ. ދެތިންހަތަރު މަސް ވުމުންނެވެ. މީނާއަށް ވެސް ޔޫއެން މެދުވެރިކޮށް ސިޔާސީ ޙިމާޔަތް ލިބޭނެގޮތް ހަމަޖެހިފައި އޮތެވެ. އެހެނަސް އޭނާގެ އަންހެނުން އެކަމާ، އެއްބަސް ނުވުމުން ވާނެގޮތެއް ވުމަށް މާލެ އައީއެވެ.


ލާންސްކޯޕަރަލް މުހައްމަދު ރާއިދު ތަހުގީގަށް ދީފައިވާ ބަޔާން:


އެންއެސްއެސްގެ ލާންސް ކޯޕަރަލް، ސނ: 3284 ހ.ސްވޯޑް އަލްފާޟިލް މުޙައްމަދު ރާއިދު،

އައިޑީކާޑު ނަމްބަރު: A-012104

އުފަން ތާރީޚް: 30. 05. 1978

މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.


"ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) އަކީ އަޅުގަނޑުގެ އާއިލާގެ މީހުންނައި ވަރަށްގާތް ރައްޓެއްސެކެވެ. އަދި އޭނާގެ އާއިލާގެ މީހުންނަކީ ވެސް އަޅުގަނޑުގެ އާއިލާ އާއި ވަރަށްގާތް ރައްޓެހި ރަޙްމަތް ތެރިންނެވެ. އަދި އޭނާ އަކީ އަޅުގަނޑު ކިޔަވަމުންދިޔަ ދުވަސްވަރު (ޚާއްސަކޮށް އެސްއީސީގައި ކިޔެވި ދުވަސްވަރު) ސްކޫލްގެ ބައެއް ޕްރޮޖެކްޓުތައް ހެދުމަށް އެހީތަކެއް ވެފައިވާ އަޅުގަނޑުގެ ވަރަށްގާތް މީހެކެވެ.


އޭނާ އަކީ ނުކުޅެދޭ މީހަކަށް ވާތީ އޭނާގެ އެދުމުގެމަތިން އަޅުގަނޑުގެ ސައިކަލުގައި އޭނާ އެކި ތަންތަނަށް ވަރަށް ގިނަގިނައިން ގެންގޮސްދީ ހަދަމެވެ. 12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ (އިރާކޮޅު) އަޅުގަނޑުގޭގައި އުޅެނިކޮށް އިބްރާހީމް އިސްމާޢީލް އަޅުގަނޑުގެ މޯބައިލްފޯނަށް ގުޅާފައި ސައިކަލުގައި ޖައްސާލަ ދިނުމަށް އެދުނެވެ. އަޅުގަނޑު ސައިކަލުގައި މއ.ބޯގަންވިލާއަށް ދިޔައިރު، އިބްރާހީމް އިސްމާޢީލް ހުރީއެގޭ ދޮރުމަތީގައި ބޭރުގައި ކޮންމެވެސް މީހަކާވާހަކަ ދައްކާށެވެ. އެމީހަކީކާކުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.


އިބުރާ އަޅުގަނޑު ގާތުގައި ޖުމްހޫރީ މައިދާނުގައި ވަރަށްގިނަ އަދަދެއްގެ މީހުންއެއްވެ އެބައުޅޭކަމަށާ، އެތަން ބަލާލަން ދާންވާނެކަމަށް ބުންޏެވެ. އޭނާއެހެން ބުނުމުން އަޅުގަނޑު އޭނާގާތުގައި އެތާކައިރިން ލާފައިދިޔަ ކަމުގައި ވިޔަސް އެތަނަށް މަޑުކޮށްގެން ނުވާނެކަމަށް ބުނީމެވެ.


....ޖުމްހޫރި މައިދާނުގައި ހިނގަމުންދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން މަސައްކަތް ކުރިއިރު އަޅުގަނޑު ހުރީ، 01 އޯގަސްޓް 2004 ވަނަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީގައި ކަމަށްވެފައި، އަދި އޮފީހުގެ އެއްވެސް ވެރިއަކު އަޅުގަނޑަށް ގުޅާފައި އޮފީހަށް ނިކުތުމަށް އެދިފައި ނުވާތީވެ، އަޅުގަނޑު އެތަނުގައި ހުރިހުރުމުގައި ފުލުހުންގެ މީހެއްގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުރަމެވެ.


އިބުރާ ޖުމްހޫރީ މައިދާނުގައި ހުރެގެން މެގަފޯނުން އެތަނުގައި އެއްވެ އުޅުނު މީހުންނާއި މުޚާތަބުކުރަމުން ދިޔައަޑު އަޅުގަނޑު އެހީމެވެ. ނަމަވެސް އޭނާދެއްކި ވާހަކައެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާ ޖުމްހޫރީ މައިދާނުގައި އުޅެފައި އަޅުގަނޑު ކައިރިއަށް އައިސް ފެންފުޅިއެއް ލިބިދާނެތޯ އެހުމުން އަޅުގަނޑު އޭނާގާތުގައި އަޅުގަނޑު ފެންފުޅިއެއް ހޯދާނީ ކޮންތާކުންތޯ ބުނީމެވެ. އެވަގުތު އެތަނަށް އެންއެސްއެސްގެ ލެފްނިނެންޓެއް ކަމަށްވާ، ނަޞްރު ﷲ (ފުރިހަމަ ނަމެއްނޭނގޭ) އައިސް އިބުރާއަށް ގޮވާލާފައި އޭނާ ގޮވައިގެން ދިޔައީއެވެ.


އަޅުގަނޑު ޖުމްހޫރީ މައިދާން ކައިރީގައި ހުރިހުރުމުގައި އެތަނަށްއެއްވެ އުޅުނުއެއްވެސް ބަޔަކައި އެހީތެރިވެ އެއްވެސް ސިފައެއްގައި ބައިވެރިވެފައެއް ނުވާނެއެވެ. އެ އެއްވުމަކީ ބަޔަކުރާވައިގެން އެއްވި އެއްވުމެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާގެ ރައްޓެހިކަމުގައި އަޅުގަނޑު އޭނާގެ ގެއަށް، މއ.ބޯގަންވިލާއަށް ދިޔަދުވަހެއްގައި މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އެގޭތެރެއިން ދުށީމެވެ. ނަމަވެސް އޭނާއައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. އިލްޔާސް ހުސައިން އިބްރާހީމް ފިޔަވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެއްވެސް މެމްބަރަކާ އެގޭތެރެއިން އަޅުގަނޑާ ދިމާވެފައެއް ނުވެއެވެ.


(މިރާއިދަކީ އެދުވަސްވަރު، އާދަމް ޒާހިރު މަގުމަތީގައި ސިޔާސީ މީހުންނަށް ފާރަލުމަށް ގެންގުޅުނު ސިއްރުޖާސޫސެކެވެ. މަގުމަތިން މީނާ ވަނީ އަތުލައިގަނެވި ފަޅާއަރާފައެވެ. އަދި އެކަންތައް އަޅުގަނޑު ޑިފެންސް މިނިސްޓެރީއަށް ލިޔެގެން، ވަނީ އެއްވެސް ކަމެއްނުވެފައެވެ. އަދި މީނާ އަކީ އަޅުގަނޑުގެ ކުރީ ބަންދުގައި ތަހުގީގު މޭޒަށް އެރުވުމުން އެކަން ވެސް ރައީސްމައުމޫނު އަރިހަށް އަޅުގަނޑު ގެންގޮސްފައިވާ ކުއްޖެކެވެ. އެހެނަސް އޭރު ވާކަމެއް ނެތެވެ.)


އިބުރާއަށް ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ލިބިގެން އޭނާ ހުޅުވައިގެން އުޅޭއޮފީހަށް އަޅުގަނޑު އެއްވެސް ދުވަހެއްގައި ގޮސްފައެއް ނުވާނެއެވެ. އަޅުގަނޑަކީ ސިފައިންގެ މީހަކަށްވެފައި އަދި އަޅުގަނޑަކީ ފުލުސް އޮފީހުގައި ހަތްއަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވީތީ އިބްރާ އަޅުގަނޑު ގާތުގައި އަޅުގަނޑު މަސައްކަތް ކުރާތަނާބެހޭ ގޮތުންނާ، އަދި އަޅުގަނޑު ކުރާ މަސައްކަތާބެހޭ ގޮތުންވެސް އެއްވެސް ވާހަކައެއް ދުވަހެއްގައި ވެސް އަހާފައެއް ނުވެއެވެ. އަދި އަޅުގަނޑުވެސް އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް އިބްރާގާތުގައި ދައްކާފައެއް ނުވާނެއެވެ. އަދި އޭނާނޫން އެހެން މީހެއްގާތުގައި ވެސް އަޅުގަނޑު މަސައްކަތްކުރާ އޮފީހާބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެއެވެ."


މިބަޔާން ނަގާފައިވަނީ، ސަރޖަންޓް އަޙްމަދު މުޙައްމަދު، ސނ: 1192 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއަހާފައިވަނީ، ކޮންސްޓަބަލް އިސްމާޢީލް ނަދީން، ސނ: 1672 އާއި ކޮންސްޓަބަލް ޙުސައިން މަފާޒް، ސނ: 1721 އެވެ.


ފަހެ، ދަންނައެވެ! މިރާއިދަކީ، 2003 ވަނަ އަހަރު ތެރޭގައި އެތައްފަހަރަކު އަޅުގަނޑުމެން ފަހަތުން ފާރަލާއި ކެމެރާ ކުރަންއުޅެނިކޮށް ފަޅާއަރާފައިވާ ސިފައިންތެރޭގައި އުޅޭފައްކާ ސިއްރު ޖާސޫސެކެވެ. އާދަމްޒާހިރު ގެންގުޅޭ ޖާސޫސެކެވެ. އިބުރާއާ މިހާގާތްކޮށް މިފަދަ މީހަކު އުޅެންޖެހޭ ސަބަބަކީ އިތުރަށް ދިރާސާ ކުރަން ޖެހޭކަމެކެވެ. ބޮޑުކޮށް ޝުބްހަތަކެއް އުފެދޭ އަމަލެކެވެ. ޚާއްސަކޮށް، 19-20 ސެޕްޓެމްބަރ 2003 ގެ "ބަޑިބުރާސްފަތ" ޙާދިޘާގެ ތަހްގީގުގައި ވެސް، އަދި އެޙާދިޘާ ތެރޭގައި ހިންގި އެކިކަންކަމުގައި ޝާމިލްވެފައިވާ އޮފިސަރެކެވެ. މީނާ އާއި އިބުރާއާ ދެމެދު މިއޮންނަ ގާތްގުޅުމުގެ ސިއްރަކީ ކޮބައިކަމާ މެދު އަބަދުވެސް އެދުވަސްރު ޝައްކު ކުރެވެއެވެ.


އަދި އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި ބުރުމާގާސިމާ، އިބުރާއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަކީ ވެސް އޮޅުންތަކެއް ހިމެނިފައިވާ ކަމެކެވެ. އިބުރާގެ ބައްޕައަކީ ވެސް އިލްޔާސް ފަޅީ އެންދެރިކޭމްފުގެ ބޭފުޅެކެވެ. މިޙާދިޘާ ތެރޭގައި އިބުރާ އާއި ގާސިމު އިސްކޮށް އުޅުއްވިއިރު އާދަޔާޚިލާފު ގުޅުންތަކެއް މި މީހުންގެ ދެމެދުގައި އޮންނަކަން ފާހަގަކުރެވިފައި ވެއެވެ.


މިހެން ވަނީ އަބަދުވެސް އަޅުގަނޑަކީ ސިޔާސީގޮތުން ވިންނާފިކުރު ކުރާ މީހަކަށް ވާތީއެވެ. މާލޭ ގޮނޑިއަށް ޖަލުގައި ހުރެގެން އިބުރާއާއެކު އަޅުގަނޑު ކުރިމަތި ލުމުން ވަނީ އޮޅުންތަކެއް އޮޅުވާލައިގެން އަޅުގަނޑުގެނަން އދ.އަތޮޅަށް ގަދަކަމުން ނުފޫޒުގައި ބަދަލުކުރުވާފައެވެ. އެގޮނޑިއަށް ބަގީޗާ މުހައްމަދު ޝިހާބު މިވެރިން ގެނައީ މިއޮންނަ އެތެރޭގެ އެންދެރި ސިޔާސީގުޅުމުގެ ތެރެއިންނެވެ.

ޙަގީގަތުގައި އިބުރާއަކީ އިލްޔާސް އިބްރާހީމާއި ގާސިމް އިބްރާހީމްގެ ބަހަށް، ބައެއްކަންތަކަށް އަމަލީސިފަ ގެންނަވާފައިވާ ވަރަށް ސިޔާސީ ގޮތުން ބޯހަރު ބޭފުޅެކެވެ. އިސްލާހީ ހަރަކާތުގައި އަބަދުވެސް އާދަޔާޚިލާފު ރޯލެއް ކުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އިތުރަށް ދިރާސާ ބޭނުންވާ އެތައް ސުވާލުތަކެއް އުފެދުނު ކަންތައްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.


އަލީ އަބްދު ﷲ ތަހުގީގަށް ދީފައިވާ ބަޔާން:


މ.ޔާގޭތުގެ، މާލެ އަލްފާޟިލް ޢަލީ ޢަބްދު ﷲ، މޯލްޑިވްސް ޕޮލިސް ސަރވިސަށް ދެއްވާފައިވާ ބަޔާނުގައި ވަނީ މިފަދައިންނެވެ.


"އަޅުގަނޑަކީ ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިންބޭރަށް ގޮސްއުޅޭ މީހެކެވެ. މިގޮތުން އަޅުގަނޑު ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި ސްރީލަންކާގެ ކޮޅުބުގައި އާންމުގޮތެއްގައި ދެދުވަހު މަޑުކޮށް ހަދަމެވެ. އަދި މިމަޑުކުރާ ކުރުމުގައި އަޅުގަނޑުގެ ދަނބިދަރިފުޅު، ގ.ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އާ ބައްދަލުވެ ވާހަކަދައްކާ ހަދާފައި ވާނެއެވެ.


މިގޮތުން، 2004 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑު ލަންކާގެ ޓްރާންސްއޭޝިޔާ ހޮޓަލުގައި މަޑުކުރި ކުރުމުގައި މުޙައްމަދު ނަޝީދު (އަންނި) ފޯނުން، އަޅުގަނޑަށް ގުޅާ ވާހަކަދެއްކި ދެއްކުމުގައި އަޅުގަނޑާ ބައްދަލުކުރުމަށް މުޙައްމަދު ނަޝީދު (އަންނި) އަންނައިރު، މ.ޗާންދަނީވިލާ މުޙައްމަދު ލަތީފު (ގޯގޯ ލަތީފް) ގޮވައިގެން އަންނާނެ ކަމަށްބުނެ، އެބޭފުޅާ ގޮވައިގެން އަޅުގަނޑު ހުންނަހޮޓަލަށް އެއްރެއަކު އައެވެ.


އަދި އެރޭ، މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އަށް ރޭގަނޑުގެ ކެއުމެއް ދިނީމެވެ. އަދި މިގޮތުންވާހަކަ ދެއްކިދެއްކުމުގައި އެމީހުން ކޮޅުބުގައި ހުޅުވާފައި ހުންނަ، އެމްޑީޕީގެ އޮފީސް ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ގައުމުން ބޭރުވުމަށް ސްރީލަންކާ ފުލުހުން އެންގިކަމަށާއި ނަމަވެސް އެކަން އެގޮތަށްނުވެ އަލުން ސްރީލަންކާގައި އެމީހުން، އެމްޑީޕީ އޮފީސް ހުޅުވައިގެން މަސައްކަތް ފަށާފައި ވާތީ، އެކަމާގުޅިގެން އެކަންދިމާވާން ޖެހުނުސަބަބެއް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި އަޅުގަނޑު އެހުމުން، "އެއީ ކޮންމެވެސް ކަހަލަ އޮޅުމެއްގެ ތެރޭގައި ހިނގިކަމެއް ކަމަށާއި އިނގިރޭސި އެމްބަސީއާއި އެމެރިކަން އެމްބަސީ މެދުވެރިވެގެން، 48 ގަޑިއިރުވުމުގެ ކުރިން އެކަން ހަމަޖައްސަވައި ދެއްވިއޭ" މިހެން، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ.


އަދި ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ކައިރީގައި، އެދިމާވިގޮތުގެ ވާހަކަ، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ދެއްކިކަމަށާ، އަދި އެވާހަކަ ދެއްކުމުން، ދެން އެކަހަލަކަމެއް ދިމާވެއްޖެނަމަ، ބޮޑުވަޒީރުގެ ގެކޮޅަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އައުމަށާއި އޭރުން ބޮޑުވަޒީރުގެ ގެކޮޅަށް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ހޯދުމަށް ބަޔަކު ނުވަންނާނޭ މިހެން ބޮޑުވަޒިރު، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި ވިދާޅުިވެފައި ވާކަމަށް، މުޙައްމަދު ލަތީފް، އަޅުގަނޑުގާތު އެރޭބުންޏެވެ.


މިވާހަކަތަކާ ގުޅިގެން މިހާރު ސްރީލަންކާގެ ބޮޑުވަޒީރާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއޮތީކޮން ގުޅުމެއްތޯ އެހުމުން ބުނެފައިވަނީ، އެއީ މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ސްރީލަންކާގައި ކިޔަވަން އުޅުނުއިރު އެއްކްލާހެއްގައި އުޅެފައިވާ ބޭފުޅެއް ކަމަށާއި ދެބޭފުޅުންގެ މެދުގައި ވަރަށްގާތް ރަޙްމަތްތެރިކަމެއް އުފެދިފައިވާ ކަމަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ.


2001 ވަނަ އަހަރުތެރޭގައި އެއްދުވަހު އަޅުގަނޑު، މ.އޮމަދޫ ގައި އިންދާ، މ.މާފަންނުވިލާ ގާސިމް އިބްރާހީމާއި މ.ރަންފަސް ޙަސަންޒާހިރު (ރާޑޯ ޒާހިރު) އާ ދެބޭފުޅުން އައިސް މިއުޅެނީ ސިޔާސީޕާޓީއެއް ހަދާށޭ މިކަމަށްރުހި ގަބޫލުކަމަށް ވާނަމަ، ފެންނަ ނަމްބަރަކާ ދިމާލުގައި ނަންޖަހާފައި ސޮއިކުރާށޭ މިހެން ބުނެފައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އެޑްރެސްކޮށް ލިޔެފައިވާ ގަނޑެއް އަޅުގަނޑު އަތަށް ދިނުމުން އަޅުގަނޑުގެ ނަންއެގަނޑުގައި ލިޔެ، ސޮއިކުރީއެވެ.


މިއަދުންމިއަދަށް މިލިޔުން، ލާންޖެހެއޭ ކިޔާފައެބޭފުޅުން އެލިޔުން ހިފައިގެން ނިކުމުގެން ދިޔައީއެވެ. އޭގެފަސް ދުވަސްފަހުން، މިނިސްޓްރި އޮފް ހޯމްއެފެއާޒްގެ ފަރާތުން އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ ކަންތައް ހަމަޖެއްސުމަށް ރައީސް އޮފީހަށް ހުށަހަޅައިގެން އުޅޭވާހަކަ ގާސިމް އިބްރާހީމް އަޅުގަނޑު ގާތުގައި ބުނެފައި ވެއެވެ. އޭގެފަހުން އެކަމާގުޅޭ ހުރިހާޚަބަރެއް އަޅުގަނޑާ ހިސާބަށް ގެނެސްދެނީ މުޙައްމަދު ނަޝީދު (އަންނި) އެވެ.


އެކަމާގުޅޭގޮތުން ހޯމް މިނިސްޓްރީގައި ޖަލްސާއެއް ބޭއްވިކަމަށައި އެޖަލްސާގައި ގާސިމް އިބްރާހީމާއި އަޅުގަނޑުގެ ތިމާގެމީހެއް ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމާއި ސިވިލް އޭވިއޭޝަންގައި ވަޒީފާއަދާ ކުރައްވާ، މަޙްމޫދުރާޒީ ބައިވެރިވިކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ.


އޭގެފަހުންވެސް ހޯމް މިނިސްޓްރީން އެކަމާއެބަ އުޅުއްވާކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑުގެ ގާތުގައި ބުނެފައިވެއެވެ. އޭގެ ދުވަސް ތަކެއްފަހުން، އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު، ނިންމަވާފައިވަނީ ރައްޔިޔުންގެ މަޖިލީހަށް މިކަން ހުށަހަޅުއްވަން ކަމަށް މުޙައްމަދު ނަޝީދު (އަންނި) އާއި ގާސިމް އިބްރާހިމް އަޅުގަނޑުގެގާތު ބުނެފައިވެއެވެ.


މިގޮތުން ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމަށް ތާއީދުހޯދުމަށް، އެޕާޓީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ދިޔައެވެ. މިގޮތުން އެމްޑީޕީގެ މެންބަރުން ކަމުގައިވާ، ގާސިމް އިބްރާހީމާއި ހ.ދޮންޖޭމުގޭ ޢުމަރުނަޞީރާއި މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއެކު އަޅުގަނދު ވެސް ދިޔައީމެވެ.


އަދި އޭގެދުވަސްކޮޅެއް ފަހުން، ބީބީސީން ވެސް އެޚަބަރު އިވުނެވެ. މީގެދުވަސްކޮޅެއް ފަހުން ވަރަށްކުއްލި ގޮތަކަށް މުޙައްމަދު ނަޝީދު (އަންނި) ފުރައިގެން ދިޔައީ ސްރީލަންކާގެ ކޮލަންބޯ އަށެވެ. އެއަށްފަހު މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއި މުޙައްމަދު ނަޝީދު (އަންނި) އާދެމީހުން ކޮލަންބޯގެ ހިލްޓަން ހޮޓަލަށް، ބީބީސީއާއި ސްރީލަންކާގެ ނޫސްތަކުގެ ރިޕޯޓަރުން ގެނެސްގެން، އެމްޑީޕީއާބެހޭ ރިޕޯޓުތައް ބީބީސީން ދައްކާއި ސްރީލަންކާގައި އެމްޑީޕީގެ އޮފީސް ހުޅުވާފައިވެއެވެ. އަދި އޭގެ ގާތްގަނޑަކަށް، 6 މަސްފަހުން، އިނގިރޭސި ވިލާތުގައި އެމްޑީޕީގެ ދެވަނަ އޮފީހެއް ހުޅުވާފައިވެއެވެ.


އިނގިރޭސި ވިލާތުގައި އެމްޑީޕީގެ އޮފީހެއްހުޅުވީ ޔޫރަޕްގެ ގައުމުތަކާ މުވާސަލާތު ކުރުމަށް ފަސޭހައަކަށް ކަމަށް އަންނި އަޅުގަނޑުގާތުގައި ބުނެފައިވެއެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ފައިސާ ޚަރަދުކުރަނީ ކޮންކޮން ފަރާތްތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު އެމްޑީޕީއަށް އެއްވެސް ޚަރަދެއް ކޮށްފައެއް ނުވާނެއެވެ. 2001 ވަނަ އަހަރު އެމްޑީޕީ އުފައްދަން އެންމެއިސްކޮށް މަސައްކަތްކުރީ، މުޙައްމަދު ނަޝީދު (އަންނި) އެވެ.


ރާއްޖޭގައި އެމްޑީޕީ ރަޖިސްޓްރީކުރަން، ދިވެހި ސަރުކާރަށް މަޖްބޫރު ކުރުވުމަށްޓަކައި، 14 ފެބްރުއަރީ 2004 ގައި ތީމުގޭ ކުރިމައްޗަށް މުޙައްމދު ނަޝީދު (އަންނި) ގެކޮއްކޮ ގ.ކެނެރީގޭ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި އަދިވެސް އެހެންބަޔަކު އެއްވާގޮތަށް ހަމަޖައްސާފައިވާ ކަމުގެ، މައުލޫމާތު މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑަށް ދިނެވެ. އެއީ ދުނިޔޭގެ މީޑިޔާއަށް ދޭންބޭނުންވާ މެސެޖަކާއި ފޮޓޯނެގުމުގެ ބޭނުމުގައި ކަމަށާ، އަދި ބީބީސީއާއި ޚަބަރުފަތުރާ އެހެން ބައެއް އެޖެންސީތަކުގެ ރިޕޯޓަރުން ތިބޭނީ މާލޭގައި ސެޓްކޮށްފައި ކަމަށްވެސް ބުންޏެވެ.


އެކަމާގުޅިގެން ބަޔަކު ބަންދުކުރިކަން އަޅުގަނޑަށް އެނގުނެވެ. ބަންދުކުރެވުނު މީހުންގެ ތެރޭގައި އަންނިގެ ކޮއްކޮ ގ.ކެނެރީގޭ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހިމެނެއެވެ. ....މާލޭގެ ލޮނުޒިޔާތަރް ކޮޅުގައި އެމްޑީޕީގެ ފަރާތުން އެއްވުންތަކެއް ބޭއްވިކަން އަޅުގަނޑަށް އެނގެއެވެ. އެތަނަށް އެއްވި ފުރަތަމަރޭ އަޅުގަނޑުހުރީ ސިންގަޕޫރުގައެވެ.


މިހުރިހުރުމުގައި ރީކޯމޫސަ އަޅުގަނޑު ހުރި ހޮޓާކަމުގައިވާ ހިލްޓަން ހޮޓަލަށް އައިސް ބައްދަލުކޮށް، އޭނާގެ ވިޔަފާރިއާބެހޭ ވާހަކައެއް ދެއްކިދެއްކުމުގައި، އެމްޑީޕީގެ އެއްވުންތައް ލޮނުޒިޔާރަތް ކޮޅުގައި އެބަ ބާއްވައޭ މިހެން އަޅުގަނޑުގާތު ބުންޏެވެ. ,ލޮނުޒިޔާރަތް ކޮޅުގައި ބޭއްވުނު ބައެއް އެއްވުންތައް ކުރިޔަށް ދިޔައިރު އަޅުގަނޑު ހުރީ މާލޭގައެވެ.


އަޅުގަނޑު އެއިން އެއްވެސް އެއްވުމަކަށް ގޮސްހަދާފައެއް ނުވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ގާތްތިމާގެ ދެކުދިން ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާއި މ.އަޙްމަދީއާބާދު އިބްރާހީމް ޒަކީ، އަޅުގަނޑަށް ދެފަހަރެއްގެ މަތިން ފޯނުންގުޅާ، މިހާރު މިނިވަން ބަހުސް ހިނގާލެއް މާފޯރިގަދައޭ ކޮންމެރެއަކު ކޮންމެވެސް ދިމާލަކުން ލޮނުޒިޔާރަތް ކޮޅުގައި މީހުން އެއްވާ ސަރަހައްދަށް ބޮނޑިބަތާ އެއްޗެހި އެބަފޮނުވައޭ، އަލިބެ ފޮނުވަންހޭ މިހެންބުނުމުން، ނޫނޭ އަޅުގަނޑާ ޖެހުނީމާ އަޅުގަނޑުވެސް ފޮނުވާނަމޭ، އަޅުގަނޑާ ޖެހުނީމާ އަންގާލާށޭ މިހެންބުނީމެވެ.


މިކަން ހިނގާދިޔައީ ސަރުކާރުން މިއެއްވުންތައް މަނާކުރުމުގެ ކުރިންނެވެ. ލޮނުޒިޔާރަތްކޮޅަށް މީހުން މިއެއްވި އެއްވުމަކީ، އެއްވެސްތާކުން ހުއްދަލިބިގެން އެއްވި އެއްވުމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. 12 އޯގަސްޓް 2004 ދުވަހުގެ ވަރަށްހަވީރުގެ ވަގުތެއްގައި، ހީވާގޮތުން އިރުއޮއްސުނު ފަހުން އަޅުގަނޑު ގެންގުޅޭ މުވައްޒަފެއް ކަމަށްވާ، މ.އާޒާދީގުލްޝަން އަޙްމަދު މުޚްތާރު އަޅުގަނޑުގެ، 7772997 ނަމްބަރު މޮބައިލްފޯނަށް ނުވަތަ، 3322997 ނަމްބަރު ފޯނަށްގުޅާ ސިފައިންގެ ކައިރީ، ޖުމްހޫރީ މައިދާނުގައި ބަޔަކުއެއްވެގެން އުޅޭކަމަށް ބުންޏެވެ.


އޭނާއަކީ ރަށުތެރޭގައި ހިނގާއެކިއެކި ކަންކަމުގެ ޚަބަރު އަޅުގަނޑަށް ގެނެސްދޭ މީހެކެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 12:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑު ކުރި ފޯނުތަކުގެ ތެރޭގައި ދެފަހަރަކު، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާ ގުޅާފައިވާނެއެވެ.


އެއީ ޖުމްހޫރީ މައިދާނަށް އެއްވެގެން އުޅޭމީހުންގެ ހަރަކާތްތައްހުރީ ކިހިނެއްތޯ ބެލުމަށްޓަކައެވެ. އެއިން އެއްފަހަރު މާލޭގެ ދެމެމްބަރުން ކަމުގައިވާ އަލްފާޟިލް އިލްޔާސް އިބްރާހީމާއި އަލްފާޟިލް އަބްދު ﷲ ކަމާލުއްދީނާއި ގާސިމް އިބްރާހީމާއި، ޑޮކްޓަރ މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއާއި އިބްރާހީމް އިސްމާޢީލް ވަޑައިގެން އެބައުޅުއްވައޭ އިލްޔާސް ހުސައިން އިބްރާހީމް ބުނުއްވިއެވެ. ކޮންމެފަހަރަކު ވެސް، އިލްޔާސް ހުސައިން އިބްރާހީމް ތިޔަހުންނެވީ ކޮންހިސާބެއް ގައިތޯ އަހަމެވެ. ކޮންމެފަހަރަކު ވެސް ބުނުއްވަނީ ބޮޑުދިދަ ދޮށުގައި ކަމަށެވެ.


އިލްޔާސް ހުސައިން އިބްރާހީމްގެ ފޯން އޮންކޮށްލާ ކޮންމެފަހަރަކު އެސަރަހައްދުގެ އަޑުފަށްގަނޑުއަރާ، މެގަފޯނުންދައްކާ ބައެއްވާހަކަ އަޑުއިވޭގޮތް ވެއެވެ. އެކަމަކު ދައްކާވާހަކަ ސާފުވާވަރެއް ނުވެއެވެ. ....12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 12:00 ގެފަހުގެ ވަގުތެއްގައި މ.އަހްމަދީއާބާދު މުހައްމަދު ޒަކީ، ނަޒާކީޒަކީ އޭނާގެ ގޭގެނަމްބަރުން އަޅުގަނޑުގެ، 7772997 ނަމްބަރުގެ މޮބައިލްފޯނަށް ގުޅާފައި އެތަނުގައި އެއްވެތިބި މީހުންނަށް ފެނާއިކާނާ ފޮނުވަން ޖެހެއޭ ތިމަންނަމެން މިއުޅެނީޗަންދާ ނަގައިގެން އެއްޗެތި ފޮނުވާށޭ އަލިބެވެސް ހިއްސާވާނެކަމަށް ހީކުރަމޭ ބުންޏެވެ.


އަދި ޗަންދާގެ ގޮތުގައި، 40,000.00 (ސާޅީސްހާސް) ރުފިޔާ ދިނުމަށް އެދުނެވެ. އަޅުގަނޑު އާނއެކޭ ބުނީމެވެ. އަދި އޭގެފަހުން، ހ.މިދިލިމާގެއާގެ ފިޔާތޮށި ޢަބްދުލްޣަފޫރާއި އޯކޭ ޒާހިރުވެސް އަޅުގަނޑަށްގުޅާ އެތަނުގައި އެއްވެފައިވާ މީހުންނަށްފެން ފޮނުވައިދިނުމަށް އެދުމުން އެރޭގެ، 02:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑު ގެންގުޅޭ މުޚްތާރަށް، 7786808 ނަމްބަރު ފޯނަށް ގުޅާފައި ފެންހޯދަން ބުނީމެވެ. ނަމަވެސް ފަހުންއޭނާ އަޅުގަނޑަށް، 7772997 ނަމްބަރަށް ފޯނުން ގުޅާފަ ފެންހޯދެން އަންނަނީ އިރުއަރާ، ފިހާރަތައް ހުޅުވީމާކަމަށް ބުންޏެވެ. އެއަށް ފަހު، އަޅުގަނޑު އެކަމަކާ އަޅައެއް ނުލަމެވެ.


ފެން ނުފޮނުވައިގެން އޯކޭޒާހިރު ގުޅާފައި ފެން އަދިވެސް ނުފޮނުވައޭ ބުނުމުން ފެން ލިބޭނެއޭ އަޅުގަނޑު ބުނީމެވެ. އެއަށް ފަހު، އަޅުގަނޑު ފޯނު އޮފްކޮށްފައި ނިދީއެވެ. އަދި އޭގެފަހުން އެރޭކަންހިނގާ ދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. 12 އަދި 13 އޯގަސްޓް 2004 ދެދުވަހު މާލޭގައި ހިނގާދިޔަ ޙާދިޘާއަކީ،  މުޙައްމަދު ނަޝީދަށް ނޭނގި ހިނގާދިޔަ ޙާދިޘާއެއް ނޫނެވެ. އެފަދަކަމެއް ހިނގާދާއިރު އެކަމުގެ އަޑީގައި މުޙައްމަދު ނަޝީދު (އަންނި) ހިމެނޭނެކަން އަޅުގަނޑަށް އެނގެއެވެ.


އޯގަސްޓް 12، އަދި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި މީހުން، އޮނަރަބްލް ޢަބްދު ﷲ ޙަމީދުގެ އިސްތިޢުފާއަށް ގޮވުން އެއީ އަޅުގަނޑު އެދޭކަމެކެވެ. އަދި ޢަބްދު ﷲ ޙަމީދު އިސްތިޢުފާ ދިނުމަށް ގޮވުން އެއީ އަޅުގަނޑު އެދޭކަމެކޭ، މުޙައްމަދު ނަޝީދުއާ ފޯނުކޮށްގެން ދެއްކިވާހަކަ ތަކުގެ ތެރޭގައި އަޅުގަނދު ބުނީމެވެ. 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް ބަޔަކު އެއްކުރުމަށް އަޅުގަނޑުރާވާ ނުހެދިކަމުގައި ވިޔަސް އެކަމުގައި އަޅުގަނޑަށް ބައިވެރި ވެވިފައިވެއެވެ. 13 އޯގަސްޓް 2004 ދުވަހު ހުކުރު ނަމާދަށް އިސްލާމީ މަރްކަޒަށް ގޮސްފައި ހުކުރުކޮށް ނިމިގެން އެތަނުގައި ވެގެންއުޅޭގޮތް ބަލައިލުމަށްޓަކައި މިސްކިތް ކައިރީގައި އެއްވެފައިވާ މީހުންގެ ތެރޭގައި މަޑުކޮށް ލައިގެން ހުރީމެވެ. އެއިރުއެތަނުގައި އެހާގިނަ މީހުން އެއްވެފައެއް ނެތެވެ."


މިބަޔާނުގައި އިނގިލީގެ ނިޝާންދީ ސޮއިކޮށްފައިވަނީ، މ.އޮމަދޫ މާލެ، އަލްފާޟިލް ޢަލީ ޢަބްދުﷲ (އަލިބެ) އެވެ.

ތާރީޚަކީ 30 ސެޕްޓެމްބަރ 2004 އެވެ.

ތަހުގީގުކުރީ، ސ.ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕްރަލް ޢަބްދުﷲ ޝާޠިޙް، ސނ: 1319 އެވެ.

އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ނިޒާމް، ސނ: 1559 އާއި ކޮންސްޓަބަލް އިބްރާހީމް މުޙައްމަދު، ސނ: 1592 އެވެ.


އަލީއަބްދު ﷲ (އަލިބެ) ކައިވެނިޕާޓީގައި
އަލީއަބްދު ﷲ (އަލިބެ) ކައިވެނިޕާޓީގައި

އާދެ! އަލިބެ (އަލީ އަބްދު ﷲ) ބަޔާނުގައި އެވާފަދައިން އެމްޑީޕީ އޮފީސް ރަސްމީ ސިފައެއްގައި ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި އިނގިރޭސިންގެ ޙިމާޔަތުގައި ފަށައިގަނެފައި ވުމާއެކު ރައީސް މައުމޫނާއި ކޮލި އަލިމަނިކާ  ގުޅިގެން ސްރީލަންކާގެ ސީއައިޑީ ފުލުހުން މެދުވެރިކޮށް ވަރަށް ގިނަ ހުރަސްތައް ކުރުވިއެވެ. އެއީ ލަންކާ ސަރުކާރުންނަށް ވުރެ ބޮޑަށް އަމިއްލަ ނުފޫޒާއި ބާރުގައި މަތީފެންވަރުގެ ލަންކާގެ ބާރުތަކާއި ގުޅައިގެން މިބޭފުޅުން ހިންގެވި ކަމެކެވެ. ލަންކާ ފުލުހުން އެމްޑީޕީއަށް ކުއްލިއަކަށް މިކަމާ ގުޅިގެން އެންގީ، ލަންކާއިން، 48 ގަޑިއިރުތެރޭގައި ނުކުމެގެން ދިއުމަށެވެ.


އެހެނަސް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ތިއްބެވި މީހުންނާ އިނގިރޭސިންނާ އޮންނަގުޅުމުގެ ސަބަބުން ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީން އެކަމުގެ ތެރެއަށްވަދެ، 48 ގަޑިއުރުތެރޭގައި އެކަންތައް ހައްލުވެގެން ދިޔައެވެ. އަދި ގޯގޯމެން ތިއްބެވީ ލަންކާގައި ވަރަށް ވަރުގަދަކޮށް ކަމުން މިކަމެއް ނުވިއެވެ. އަލިބެގެ ބަޔާނުގައި ގޯގޯގެ އެވާހަކަ އެވަނީ ގެނެވިފައެވެ. އެހެނަސް ދިވެހި ރާއްޖޭގެ ސިފައިން ގެންދިޔައީ މިއޮފީސްތަކަށް ފާރަލާއި އެކިއެކިސިޔާސީ ގޯނާތައް ތަކުރާރުކޮށް ހިންގަމުންނެވެ. ސިއްރު ޖާސޫސުން ލަންކާއަށް ފޮނުވާފައި ތިބެއެވެ.


އެމްޑީޕީގެ އިސް މެމްބަރަކު ސްރީލަންކާގައި ދިރިއުޅުއްވާ ގެއަށް ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓްގެ، 8 ބޭފުޅުންވަދެ އެމްޑީޕީގެ އިސް މެމްބަރުން ކަމުގައިވާ ގ،ފިތުރޯނުގޭ އަޙްމަދު ޢަލީ ނަސީރާއި މ.ވައިނުޖެހޭގޭ މުޙައްމަދު ޒުހައިރާއި މ.ފަޑިއްގޭ އަލީ ރަޝީދާއި ބިދޭސީ ވަކީލެއް ކަމަށްވާ މިސްޓަރ ޖޫޑް ލެއިނިންގެ ޒާތީ ސާމާނާއި ކޮންޕިއުޓަރު ތަކާއި ގޭގައި ހުރި އެހެނިހެން ތަކެތިބަލާ ފާސްކޮށް ހަދާފައި ވެއެވެ.


މިގެތައް ބަލާ ފާސްކޮށްފައި ވަނީ، ރާއްޖޭގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ރާއްޖޭގައި ހުންނަވާ އިންޓަރޕޯލް ޑިވިޒަންގެ ބޭކަލެއްގެ ހައިސިއްޔަތުން ސޮއިކުރައްވައި ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓަށް މިދެންނެވި އެމްޑީޕީގެ މެމްބަރުންގެ އަތްފުޅުގައި އިޓަލީވިލާތުގެ ޕައިލެޓެއް މެދުވެރިވެގެން ހަތިޔާރާއި ބްރޯޑްކާސްޓް ކުރަންބޭނުންކުރާ ވަގުއާލާތްތައް ހުރިކަމަށް ތުހުމަތުކޮށް ލިޔެފައިވާ ލިޔުމަކުންކަން އޭރު އެމްޑީޕީގެ އިސް މެމްބަރުންނަށް ޔަޤީންކުރެވިފައި ވެއެވެ.


މިގޮތުން އެމްޑީޕީގެ މެމްބަރުންނަށް މިކަންކަށަވަރުވީ، ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓުން މިމެމްބަރުންގެ ގެތައްފާސްކުރުމަށް ހުށަހެޅި ލިޔުންތަކު ތެރޭގައި ރާއްޖޭގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުގެ ލިޔުންފެނިފައި ވާތީއެވެ.


އަދި ކޮޅުބުގައި ހުންނަ އެމްޑީޕީގެ ބޭފުޅުންނަށް ނިސްބަތްވާ ބައެއް ގެތަކަކީ ހަތިޔާރާއި ޣައިރުގާނޫނީ އަމަލުތައް ހިންގާ މަރުކަޒު ތަކެއްކަމަށް ދިވެހި ސަރުކާރުން، އިންޓަރޕޯލަށް ދޮގުމަޢުލޫމާތު ދިނުމުން ސްރީލަންކާގައި ހުންނަ އެމްޑީޕީ އޮފީހަށް ސްރީލަންކާ ސިފައިން ވަނުމަށް އެދުމުން، މިމަޢުލޫމާތަކީ ދޮގުމަޢުލޫމާތުކަން ސްރީލަންކާ ސިފައިންނަށް، ސާބިތުކޮށް ދިނުމުން، އެމީހުންގެ މިޢަމަލައި ގުޅިގެން އެމްޑީޕީ ކިބައިން ފަހުން މަޢާފަށް އެދުނެވެ. އަދި މިކަމާ އެމްޑީޕީގެ ފަރާތުން ސްރީލަންކާ ސަރުކާރަށް ތަޢުރީފާއި ޝުކުރު ސިޓީއަކުން ރައްދުކުރިއެވެ.


މިދުވަސްވަރު އަޅުގަނޑައި ފުރަހަނި ޝުއައިބު ލަންކާއަށް ކުރުދަތުރަކަށް ގޮސްތިބީ ލަންކާގައި ހުންނަ އެމްޑީޕީ އޮފީހުގެ ކޮޓަރިއެއްގައެވެ. ވީމާ މިކަންތައްގަނޑަކީ އަހުރެން ވަރަށް ގާތުން ދެކި ބަލާއި ތަޖްރިބާކޮށް ހެދުމަށްފަހު ލިޔާކަންތަކެވެ. ހަގީގަތެވެ. އަޅުގަނޑު މެން ދެމީހުން އދ.ގެ ރެފިއުޖީންނައި ބެހޭ އިދާރާއަށް އެމްޑީޕީ ލޯޔަރު ޖޫޑު (އިނގިރޭސި ވިލާތުގެ މީހެއް) އާއެކު ގޮސް ގިނަވާހަކަތަކާއި ލިޔުންތަށް ހުށަހަޅާއި ރެފިއުޖީއަކަށް ވުމަށް ތައްޔާރު ވީމެވެ. އަދި އެކަންތައް ހަމަޖެހުނެވެ. އެހެނަސް އަދި މާލޭގައި ހަރަކާތްތެރި ވުމަށް ތިބުމަކީ އިސްލާހީހަރަކާތަށް ފައިދާ ބޮޑުކަމަށް ފެންނާތީ އެދަތުރުގައި ރެފިއުޖީންނަށް ނުވެ މާލެ އަށް އެނބުރި އައީއެވެ. އެލިޔުންތައް މިހާރުވެސް އެބަހުއްޓެވެ.


މިބަޔާނުގައި ވާގޮތުގެ މަތިން އަޅުގަނޑުމެން ގުޅުމުން އަލިބެގެ އެހީގައި ޖުމްހޫރި މައިދާނަށް އެކަށީގެންވާ ވަރަށް ބޯފެން ސަޕްލައި ކުރެވުނެވެ. މިކަން ކުރެވުނީ ހުކުރުދުވަހު ހެނދުނެވެ. މިކަންކުރުމަށް ބޭނުންވާ ފައިސާ ދެއްވީ އަލިބެއެވެ. އެއްވެތިބި މީހުންނަށް ކާންދިނުމުގެ މިބުއްދި އަޅުގަނޑު މެންނަށް ލިބުނީ ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުންނެވެ. އޭނާ އެދުނީ ހަވަރު އެތާނގައި އަބަދުވެސް ބޭތިއްބުމުގެ ބާރަކަށް ވާނެތީ، ކާބޯތަކެތި އެސަރައްދަށް ގެނެސް ފޯރުކޮށްދޭ ގޮތަށް ރާވާށެވެ. ބަތްޕާރުސަލް ތައްޔާރު ކުރެވޭތޯވެސް ވަރަށް މަސައްކަތް ކުރެވުނެވެ.


އެހެނަސް އެކަން ނުހިންގުނީ ވަގުތުން ފައިސާ ދިނުމުންނޫނީ ކޮށްދޭނެ ފަރާތެއް ހަމަޖެހޭގޮތް ނުވުމުންނެވެ. އެހެނަސް ބިސްކޯދާއި އެކިފާޑުގެ ދަޅާއި އޭތިމީތި ޖުމްހޫރީ މައިދާނަށް ޖަމާކުރެވުނެވެ. އަދި އަޑުގަދަ ކުރާ ސިސްޓަމުން ސިފައިން ކަރަންޓު ކަނޑާލުމުން ފަޅުތެރޭގައި އޮތްދޯންޏަކުން ކުޑަޖެނަރޭޓަރެއް ގެނެސްގެން އޭތި ހިންގައިގެން އަޑުގަދަކުރާ ބޭނުން ކުރެވުނެވެ.


ޕެޓުރޯލް ހުސްވެދާނެތީ ޕެޓުރޯލް ހަމެއް ވަކިން ގަނެގެން ގެނެސް ގެންގުޅުނީއެވެ. މިޖެނަރޭޓަރު ހޯދުމުގައި އިސްކޮށް އަމަލީގޮތުން، ފުޅާއި އެހެނިހެން ބައިވެރިން އުޅުއްވިއެވެ. ޖެނެރޭޓަރު ބެލެހެއްޓީ މުހައްމަދު ފުޅު އެވެ. މިހާރަކީ ހުކުރު ދުވަހުގެ މެންދުރު ކުރިއެވެ. އެރޭއެކުގައި އަޅުގަނޑު ހުރީ ރީނދޫކުލައިގެ ގަމީހެއްގައެވެ. އެއީ ބުރާސްފަތިދުވަހުލައިގެންހުރި ގަމީހެވެ.


އެއްވުމުގެ ތެރެއިން ކަނާއަތުގައި އެވާފޯނަކީ ހުރުހާ ގުޅުންތަކެއް ހިންގުނު ފޯނެވެ. ސިފައިން އަތުލިގޮތަށް އަދިވެސް ވަނީ ސިމާއެކު އެތަނުގައެވެ. ނުދިނެވެ. މިއީ ހުކުރުވިލޭރޭގެ ފޮޓޯއެކެވެ.
އެއްވުމުގެ ތެރެއިން ކަނާއަތުގައި އެވާފޯނަކީ ހުރުހާ ގުޅުންތަކެއް ހިންގުނު ފޯނެވެ. ސިފައިން އަތުލިގޮތަށް އަދިވެސް ވަނީ ސިމާއެކު އެތަނުގައެވެ. ނުދިނެވެ. މިއީ ހުކުރުވިލޭރޭގެ ފޮޓޯއެކެވެ.

ކަޅުހުކުރު
ކަޅުހުކުރު

މިފޮޓޯއިން މިފެންނަ ގަމީހަށް ބަދަލުކުރީ ހެދުނު ވަރަށް އަވަހަށް ގެއަށް ފާޚާނާއެއް ކޮށްލަން ގެއަށްދިޔަ ދިއުމެއްގައެވެ. ކުރީގަމީހުންދާވަސް ބޮޑުވެފައި ހުރީމާ ބަދަލުކުރީއެވެ. ކުރިން ބުރާސްފަތި ދުވަހާއި ރެއާ އެކު ހުރީ ކުރީފޮޓޯގައި އެވާ ރީނދޫ ގަމީހެއްގައެެވެ.


ހުކުރު ދުވަހު އިރުއެރިފަހުން  ބޮޑުދިދަބުޑުކައިރިގައި އިސްލާހީހަރަކާތުގައި އިސް މުހައްރިކުންގެ ގޮތުގައި ހަރަކާތްތެރިވި، 3 މީހުން މައިދާނުގައި. (އަބުޖީ، ޝުއައިބު، އިލްޔާސް)
ހުކުރު ދުވަހު އިރުއެރިފަހުން ބޮޑުދިދަބުޑުކައިރިގައި އިސްލާހީހަރަކާތުގައި އިސް މުހައްރިކުންގެ ގޮތުގައި ހަރަކާތްތެރިވި، 3 މީހުން މައިދާނުގައި. (އަބުޖީ، ޝުއައިބު، އިލްޔާސް)

ހުކުރު ދުވަހު މެންދުރު ވަގުތާކައިރިވާން ފެށުމުން އަޅުގަނޑުމެން ނިންމީ ޝައިޚް ފަރީދު ލައްވާ ޖުމްހޫރީ މައިދާނުގައި ޚުޠުބާއެއް ދީފައި ހުކުރުނަމާދު ކުރުމަށެވެ. މިކަން ސިފައިންގެ ތެރޭގައި ތިއްބެވި އިސް ދެ ވަޒީރުން ކަމުގައިވާ، ޔާމީނު އާއި ފަތުޙު ﷲ އާއި މިފަދަ ބޭފުޅުންނަށް އެނގިގެން ޖަލުން ދޫކޮށްލި ޕާޓޭންގެ ފައުޖެއް ވަގުތުން އެތަނަށް ފޮނުއްވީއެވެ. މިޕާޓޭންގެ ފައުޖުން އަޅުގަނޑު މެންއަތުން ޖެނެރޭޓަރު އަތުލަންއުޅުނެވެ. އަދި ހުކުރުކޮށް ގެންނުވާނެކަމަށް ބުނެ، ތަޅާފޮޅާއި ޒުވާބުކޮށް، ހަނގުރާމަކޮށް ހެދިއެވެ. ހިސާބަކަށް މާރާމާރީ ހިންގިއެވެ.


އޭރު އަޅުގަނޑުމެން ތިބީ ވުލޫކޮށް ތާކިހަލާއި ރުމާއަޅައިގެން ހުކުރަށް ތައްޔާރު ވެގެންނެވެ. އެއްގޮތަކަށް ވެސް ޕާޓޭންގެ މިގްރޫޕާ ހެދި ހުކުރު ކުރަންފެށޭގޮތް ނުވުމުން، ޝައިޚް ފަރީދު އޭނާގެ ސަޕޯޓަރުންނާ އެކު ވަޑައިގަތީ ރަށުތެރޭގައި އެބޭފުޅުން އަމިއްލައަށް ހުކުރުކޮށް އުޅޭ މިސްކިތަކަށެވެ. ދެން އެތާތިބި އަޅުގަނޑުމެން ޖަމާއަތުގައި ބައިވެރިވީ، އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރުނަމާދުގައެވެ.


މައިދާނުގައި އެންމެން ބައިވެރިވީ އިސްލާމީ މަރްކަޒުގައި ހުކުރުކުރި ޖަމާޢަތާއެވެ. އަޅުގަނޑާ މިކަމާ ގުޅޭގޮތުން ވަރަށްގިނަ ސުވާލުތައް ތަހުގީގުގައި ސިފައިން ކުރިއެވެ. އަޅުގަނޑު ރުމާ އަޅައިގެންހުރި ފޮޓޯތައް ދައްކާހެދިއެވެ. ދިދަކަނޑާލުމަށް ފޮނުވި ޕާޓޭންތައް ބަލިކޮށްލާއި ޒަލީލުކަމައިގެން މައިދާނުން ބޭރުކޮށްލެވުނެވެ. އެއީ ފިސާރި ހަނގުރާމައެކެވެ.


އެހެނަސް މިއަދުގެ ހުކުރުކުރުން ހުއްޓުވުމަށް ފޮނުވުނު ޕާޓޭންތައް ކުރިމަސައްކަަތް ފެއިލްކޮށް ނުލެވުނީ ދިމާމެންދުރަށް ވެފައި މީސްކޮޅު ވެސް މަދުވުވެފައި ވުމާއި ތިބިބަޔަކު ވަރުބަލި ވެފައި ތިބުމުންނެވެ. ޕާޓޭންނަށް ރޭގައި ދިދަކަނޑާއި ވައްޓާލެވުނު ނަމަ، ހަމައެވަގު ރައީސް މައުމޫނު ކާފިއޫ އިއުލާނު ކުރެއްވީހެވެ. އޮތީ ތައްޔާރު ކުރައްވާއި ރެޑީކޮށްފައެވެ. ޕާޓޭންތަކަށް ގަންޖާބޯންދީފައި މައިދާނަށް ފޮނުއްވި އިރު އެކަން އޮތީ އާދަމްޒާހިރު ލައްވާ ރޭވިފައެވެ.


ހުކުރުނަމާދާ ހަމައަށް ދިޔައިރު އޮތީ، ހުކުރު ނަމާދު ނިމުމުން، ކުއްލި ނުރައްކަލުގެ އޯޑަރުކަމުގައިވާ، ކާފިއޫ ހިންގުމަށް ފަހު، އެންމެން ތަޅާލާއި ބުރުއްސާލުމަށް ފަހު، މުޅި މާލެ ކޮންޓްރޯލް ކުރާގޮތަށް ހަމަޖައްސައި އިދާރީ ގޮތުން ހުރިހާކަމެއް ތައްޔާރުކޮށް ފައެވެ. ވަޒީރުން ތިއްބަވައި ގެން ނިންމާފައެވެ. ބައެއް ސިފައިބންގެ ފަރާތުން މިޚަބަރު ލިބިފައި އޮތުމުން އަޅުގަނޑު ހުކުރުކޮށްގެން ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު، އަވަހަށް ދިޔައީ ގެއަށެވެ. ކުޑައަރާމަކަށެވެ. ކާލައިގެން ނިދާލާފައި ހޭލީ ހަވީރުއެވެ.


އޭރުއޮތީ، އާދަމްޒާހިރުގެ ލަފާގެ ދަށުން، ޔާމީނާއި ފަތްޙު ﷲ އާއި ޒާހިރު ހުސައިނާ ރައީސް މައުމޫނު ގުޅިގެން، ހިފާހައްޔަރު ކުރަންޖެހޭ މީހުންގެ ލިސްޓު، ހުކުރުވިލޭރޭ މެންދަމެއްހާ ހިސާބުގައި ލިޔެ ތައްޔާރުކޮށް ނިންމާފައެވެ. ބަނޑޭރިގޭތެރެ އޮތީ ބޮޑު ހައްޔަރަކަށް ތައްޔާރުކޮށްފައެވެ. ދަނގަނޑު ހޮޅި ޖަހާއި ކަރަންޓުނަރު ދަމައިގެން އަލިކޮށް ވެސް ހަދާފައެވެ.


ހުކުރު ދުވަހުގެ ރެއަކީ ބަނޑޭރިގޭތެރޭގައި އަނިޔާވެރި ރެއެކެވެ. ސިފައިންތިބީ ރައީސް މައުމޫނުގެ އޯޑަރަށް ބަލަބަލައެވެ. ތައްޔާރީހާލަތުގައެވެ. ކާފިއޫހިންގުމަށް ފަހު، ހުރިހާކަމެއް ކޮންޓްރޯލް ކޮށްލާނެ ގޮތާއި ރޭވުންތައް އޮތީ، އިރުއެރުމުގެ ކުރިންރާވައި ޕުލޭންކޮށް ނިންމާފައެވެ. މިއީ އާދަމްޒާހިރުގެ ޕްލޭނެކެވެ. ކަޅުހުކުރު ޕުލޭނެވެ.


ޕާޓޭންގެ ގްރޫޕެއް ބޮޑުދިދަ ކަނޑާލަން ފޮނުވީ މިހުރިހާކަމެއް ޕްލޭންކޮށް ރާވާފައެވެ. އޭރުވެސް ފުލްކޮންޓުރޯލް އޮތީ، ސަރުކާރުގެ ސިޔާދަތުގެ ދަށުގައެވެ. ސިފައިންގެ މަރުކަޒުގައި އެއްވެ ތިއްބެވި މިގުރޫޕުގެ ކޮމާންޑުގެ ދަށުގައެވެ. އެހެނަސް ރައީސް މައުމޫނަށް ކާފިއޫގެ އޯޑަރު އެރޭ އިރުއެރުމުގެ ކުރިން ނެރެން ކެރި ވަޑައިނުގަތީ ޕާޓޭންނަށް، އެމީހުންގެ މިޝަން "ބޮޑުދިދަކަނޑާވައްޓާލުން" އެވަގުތު ކާމިޔާބު ނުވުމުންނެވެ.


ރަސްމީބޮޑުދިދަ ކަނޑާވައްޓާލައި ބިމާހަމަކޮށް ނުލެވުމުންނެވެ. އެކަންކުރެވުނު ނަމަ، އެރޭއެވަގުތު ކާފިއޫހިންގާއި ހަވަރު ރަނގަޅަށް ތަލާލާއި ފަހާލީހެވެ. އަޅުގަނޑު މެންގެ ގަދަ ހިތްވަރުން ޕާޓޭންތައް ރޭގަނޑުގެ ހަމަލާގައި ފަހާއި ގިއްގަޅުވާލުމުން، އެވެރިންނަށް ލިބުނު އަނިޔާތަކާއި ގެއްލުމައިގެން ޕާޓޭންތައް ފަހަތަށްޖެހި ސަރުކާރަށް ތާއީދުކުރާ މީހުންގަނޑު ތެރެއަށް ދުވެގޮސް ވަދެ ފިލައިފިއެވެ. ދެން، ކާފިއޫހިންގުންމުގެ ކަންތައް ލަސްވެގެން ދިޔައީ ހުކުރުނަމާދަށް ފަހަށެވެ.


އިސްލާމީ މަރްކަޒުގައި ކުރެވުނު ފަތިސްނަމާދު:


ހުކުރު ދުވަހުގެ ފަތިސްނަމާދަށް ބަންގިގޮވުމުން އަޅުގަނޑު މެންރޭވީ، ޖުމްހޫރީ މައިދާނުގައި ޝައިޚް ފަރީގު އިސްކޮށް ހުންނަވައިގެން ޖަމާޢަތުގައި ފަތިސްނަމާދު ކުރާށެވެ. އެހެނަސް ވުޟޫއުކުރަން އިސްލާމީ މަރުކަޒަށްގޮސް އެކަން ނިމުނުއިރު ޖަމާޢަތްފަށަން ތައްޔާރު ވެފައިއޮތުމުން، ޝައިޚް ފަރީދުގެ ބަހަށް އަޅުގަނޑުމެން ނިންމީ މިސްކިތަށް އަރާ ޝައިޚް ފަރީދު އިމާމުވެ ފަތިސްނަމާދު ކޮށްދޭށެވެ.


ޝައިޚުފަރީދު (ރަހިމަހުﷲ) ފަތިސްނަމާދު އިމާމުވެކޮށްދެއްވި
ޝައިޚުފަރީދު (ރަހިމަހުﷲ) ފަތިސްނަމާދު އިމާމުވެކޮށްދެއްވި

ވަރަށް ފަސޭހައިން ކަންހިނގާ ދިޔައީ މިގޮތަށެވެ. 13 އޯގަސްޓް 2004 ވަނަ ދުވަހު ފަތިހު އިސްލާމީ މަރްކަޒުގައި ޝައިޚް ފަރީދުގެ އިމާމުކަމުގެ ދަށުގައި ކުރެވުނު ފަތިސްނަމާދަކީ، ދިވެހިތާރީޚުގައި ފާހަގަކޮށްލަން ޖެހޭ ފަރުލުނަމާދެކެވެ. ހުކުރުދުވަހެއް ފެށޭ މަނާދެކެވެ. ޚާއްސަ ކަންތަކެއް، ﷲ އަށް ދެންނެވުނު މަޑުމޯޅިކަމުން ފުރިގެންވާ ޚުޝޫޢަތްތެރި އަސަރުތަކެއް ކުރުވި ނަމާދެކެވެ. ގިނަބަޔަކު ރޮއި ދެ ލޮލުން ކަރުނަ އެޅި ނަމާދެކެވެ. އެއަޑު އަހުރެން އެހީމެވެ. އެމަންޒަރު ކައިރިން ދުށީމެވެ.


އެރޭގެ ޤުނޫތުގައި ޝައިޚް ފަރީދު ރޮމުން އެވިދާޅުވި ދުޢާގެ ޢިބާރާތްތައް، ދިވެހި ތާރީޚަށްޓަކައި ފޮރުވަން ޖެހޭނެއެވެ. ޝައިޚް ފަރީދުގެ ޑައިރީގައި އެދުޢާ ލިޔެދެއްވުމަކީ، ފަހުން އަންނާންތިބި ދިވެހިޖީލަށް ބޭނުންތެރި ކަމެކެވެ. އެކަން ކުރައްވާނެ ކަމުގައި ގަބޫލުކުރަމެވެ. އަޅުގަނޑަށް އެޢިބާރާތްރައް ނޯޓުކުރެވިފައެއް ނެތެވެ. ރައީސް މައުމޫނުގެ ސަރުކާރު ބަދަލުކޮށް ދެއްވުން އެދި އެހާބޮޑު ޖަމާޢަތެއް އެއްވެ މިއީ ފަރުލުނަމާދުގެ ޖަމާއަތެއްގައި ދުޢާކުރެވުނު ފުރަތަމަ ފަހަރެވެ.


ރައީސް މައުމޫނަށް ވަރަށްވަފާތެރި ބޭފުޅުންވެސް މިދުޢާއަށް އާމީންކިޔަމުން ގެންދިޔަމަންޒަރު އަޅުގަނޑު ދުށީމެވެ. ބޮޑުބައި ޢަރަބިބަހުން ގެންދެވީމާ ޝައިޚް ފަރީދު ވިދާޅުވާއެއްޗެއް މިބޭފޫޅުންނަށް ރެއަކާނުލަނީއެވެ. އެހެނަސް މަޑުމޯޅިވެ، ޚުޝޫޢަތްތެރި ކަންމަތީގައި، ﷲ އަށް އާމީން! އާމީން! (އާދޭހެވެ! އާދޭހެވެ!) ހަރުއަޑުން ދަންނަވަމުން ގެންދެވީ އިޚްލާސްތެރިކަމާ އެކުއެވެ. އަޅުގަނޑައި ވަރަށް ކައިރީގައި ވަޒީރެއް ކަމުގައިވާ، އަލްފާޟިލް ޢުމަރު ޒާހިރު ހުންނެވިއެވެ. ދެލޯފުޅުން ކަރުނަފޮދު އޮހެރިފައި ހުއްޓެވެ. އެ ވިދާޅުވި އާމީންތަކުގައި އަޘަރުތަކެއް ފޮރުވިފައި ވާނެއެވެ!


ބުއިމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސުން:


އެންމެފުރަތަމަ މިބުއްދި ދެއްވީ އޭރު ދިވެހިރާއްޖެއިން ބޭރުގައި ހުންނެވި، ސިޔާސީ ލީޑަރެއްކަމުގައިވާ (ޑޮކްޓަރު ވަހީދު) ގެ ކިބައިންނެވެ. ބޭރުން އައިކޯލަކުންނެވެ. ރައްޔިތުހަވަރަށް، އެއްވެ ތަނެއްގައި ގިނައިރު ތިބެވޭނީ ކައިބޮއި ހެދިގެންކަމަށް ބުނެދެއްވިއެވެ. ހުކުރު ވިލޭރޭ ދަންވަރު އަލީވަހީދު ބޭރަށް ޚަބަރުތައް ދެމުންދިއުމުގެ ތެރޭގައި ޑޮކްޓަރ ވަހީދަށް ގުނުޅު ފަހަރެއްގައި "ތިތާތިބި މީހުންނަށް ކާންބޯނެއެއްޗެއް ނުލިބި ނުވާނެކަމާއި އެމީހުންނަށް ތިބެވޭނީވެސް ކެއުންބުއިން ހަމަޖެހިގެންނޫންހޭ" އޭނާ ދެންނެވުމުންނެވެ.


އަލީވަހީދު މިވާހަކަ ނަޒާކީ އިބްރާހީމް ޒަކީ އާއި އަޅުގަނޑަށް ވަގުތުން އަންގައި އެރޭ ގެއިން ނުނިކުމެ ގޭބަންދުގައި ހުރި ގޮތަށް ހުންނެވި، އިބްރާހީމް ޒަކީގެ ބޭބެ ނަޒާކީ މުޙައްމަދު ޒަކީއަށް ގުޅުމުން، މުޙައްމަދު ޒަކީ އޭނާގެ ދެބޭންގެދެދަރި ބޭބެއެއްކަމުގައިވާ، އެލިއާ ޢަލީ ޢަބްދު ﷲ (އަލިބެ) އަށް ގުޅައިގެން ފެނާއި ޖޫހާއި ބިސްކޯދުގެ ކަންތައް އިންތިޒާމް ކުރީއެވެ. ތަކުރާރުކޮށް އަޅުގަނޑާ ވެސް އަލީ އަބްދު ﷲ އަލިބެއާ މުއާމަލާތްތައް ފޯނުން ކުރެވުނެވެ.


މިގޮތުންލިބުނު ފެންތައް އުފުލާ ހެދުމުގައި އަބްޖީ އާއި ފުރަހަނި ޝުޢައިބާއި އޯކޭޒާހިރާއި އަޅުގަނޑާއި ވަރަށްގިނަ އެކްޓިވިސްޓުން ޢަމަލީގޮތުން މިކަމުގައި ބައިވެރިވިއެވެ. ފެންހިފައިގެން އައި ޕިކަޕަށް ކައިރި ކުރެވުނީ އޯކިޑްމަގާއި ޗާނދަނީމަގު ޖަންކްޝަނާ ހަމައަށެވެ. ދެން ޖެހުނީ ކޮނޑުގައި އުފުލާށެވެ. އެ ޕިކަޕަށް އަމީރުއަހްމަދު މަގަށް ނުވަދެވިގެން، ހުރިހާ ކޭސްތަކެއް އުފުލީ ކޮނޑުގައެވެ.


މި އަމަލުގެ ފޮޓޯތައް ދެއްކުމަށް ފަހު، މިކަމާ ވެސް ތަހުގީގުތެރޭގައި ބައިވަރު ސުވާލުތައް ކުރިއެވެ. މާލަހެއްނުވެ، އެކިދިމާ ދިމާއިން ކެއުންބުއިން ގިނައިން ލިބެންފަށައިފިއެވެ. މިއެހީތައް ފޯރުވުމުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަކީ، އަލީ އަބްދު ﷲ އެވެ. އަދި މިކަމުގައި ރާޑޯޒާހިރާއި އޯކޭޒާހިރާއި އަބުޖީމެންދަފަ ވިޔަފާރިވެރިން ފާހަގަކުރެވެއެވެ. މީގެ އަނެއްކޮޅު ވެސް ރޭވިގެން ބަރާބަރަށް ހިނގިއެވެ. ސަރުކާރުން ނެރުނު މިހަރަކާތާ ދެކޮޅަށް ނެރުނު ފަރާތްތަކަށް ޚަރަދުކޮށް ހެދީ ސަން ޝިޔާމް މެންކަހަލަ ދައުލަތުން ލޯނާއި ފަޅުރަށްތައް ނަގައި ވެރިކޮށްގެން ތިއްބެވި ފަރާތްތަކުންނެވެ.


މިވާހަކަތައް ބަރާބަރަށް އިނގިރޭސި ވިލާތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ވަގުތުންވަގުތަށް ބަރާބަރަށް އަންގަމުން ދިޔައެވެ. އަދި ސަންދާނު ލުތުފީއަށާއި ޑޮކްޓަރ ވަހީދަށް ވެސް ބަރާބަރަށް އަންގަމުން ގެންދެވުނެވެ. ބޭރުން މިހަރަކާތް ދިގުދަންމާއި ވަރުގަދަކުރުމަށް އޯޑަރުތައް ލިބެމުން ދިޔައެވެ. އަދި އިނގިރޭސި ވިލާތުން އަންނިފަރާތުން ލިބުނު ނޯޓެއް އާންޓީ ޒުހައިރާ ވިދާޅުވެދެއްވިއެވެ.


ޚައްސަކޮށް މިކަމުގައި އިނގިރޭސި ވިލާތުންނާއި ސަންދާނު ލުތުފީ، އަދި ޑޮކްޓަރު ވަހީދު ކުޅުއްވިރޯލް ހަދާންކުރަން ޖެހެއެވެ. އިބްރާހީމް ލިތްފީ ހުންނެވީ ޔޫރަޕްގައި ކަމުން، އަނެއްދުވަހު އޮފީސްތައް ހުޅުވިގެން، ލުޠުފީއަށް މިވާހަކަތައް އީޔޫގެ ބޭފުޅުންނަށް، ހޫނުކަމާއެކު ފޯރުކޮށް ދެވެންދެން، ހަވަރުގެ ކަންތައް ކުރިޔަށް ގެންގޮސްދެއްވީ، ސަންދާނު އަހަންމައިދީ އާއި ޝައިޚު ފަރީދާއި މިފަދަ ހިތްވަރުގަދަ މުޖާހިދުންގެ މެދުކެނޑުމެއް ނެތް ހިތްވަރުންނެވެ.


އެހާ ސީރިއަސްކޮށް، އަވަސް މައްސަލައެއްގެ ގޮތުގައި އީޔޫން މިކަންނެގީ އެހެންވެގެންނެވެ. އަހަންމައިދީ އާއި ޝައިޚްފަރީދު މައިކުގައި ހޭދަކުރެއްވި ގިނަވަގުތުތަކަކީ މިކަންތައް ދެންމުމަށް ކުރެވުނު މަސައްކަތެވެ. އަދި ލިބުނުހިތްވަރެވެ. ކަޅުހުކުރުގައި އަޅުގަނޑުގެ ރޯލަކަށް އޮތީ އިންތިޒާމުތައް ރޭވުމާއި ޚަބަރުތައް އަވަސްކޮށް ބޭރުކުރުމެވެ. އެކަކު އަނެކަކާގުޅައިދިނުމެވެ. އަދި އެކިއިންތިޒާމުތައް ރޭވުމެވެ.


ފޮޓޯތަކުގައި އަބަދުވެސް ފޯނުކަންފަތުގައި ހުންނާތީ އަޅުގަނޑައި މިސުވާލުތައް ތަކުރާރުކޮށް ސިފައިން ކުރިއެވެ. އަދި އަދަށްވެސް ސިފައިން އަތުލި އަޅުގަނޑުގެ މޯބައިލްފޯނާއި ސިމްވަނީ ނުލިބިއެވެ. އަދިވެސް ވަނީ، އެމީހުންގެ ތަހްލީލުތަކަށް އަތުލެވިފައެވެ. ފޯނު ލިބުނީ މިނިވަންވީތާ އެތައް ދުވަހެއް ފަހުން ބައިވަރު ސިޓީލިޔެގެންނެވެ. އެވަރުން ވެސް ސިމް އޮތީ އެތަނުގައި ބާއްވާފައެވެ. ޖެހުނީ އެނަމްބަރުގައި ދިރާގުން އާސިމެއް ހޯދާށެވެ. ފޮޓޯއިން އެފެންނަނީ އެދުވަސްވަރު ބޭނުންކުރެވުނު ފޯނެވެ.


ޙާދިޘާ "ކަޅުހުކުރު" ހިނގިދުވަސް:


13 އޯގަސްޓް 2004 ވީ ހުކުރު ދުވަހުގެ އިރުއަރައިގެން އައި އިރު، މުޅިޖުމްހޫރީ މައިދާންއޮތީ ތޮއްޖެހި ފުރިބާރު ވެފައެވެ. ރައްޔިތުހަވަރު އޮތީ ސަރުކާރާ ދެކޮޅަށް ނުކުމެ އުތުރިއަރާފައެވެ. ސަރުކާރާދެކޮޅަށް އެއްވެފައިތިބި މީހުންގެ އަދަދު ވަރަށްގިނައެވެ. މުޅިޖުމްހޫރީ މައިދާނާއި ޖުމްހޫރީ މައިދާނަށް، އިރު، ދެކުނު، ހުޅަގު ތިންދިމާލުން އަންނަންއޮތް މަގުތައްއޮތީ ފުރިބާރުވެފައެވެ.


ގިނަބަޔަކުތިބީ ބޮޑުދިދައަށް ކުރިމަތިވާ ގޮތަށް ދެފައިވަށްކޮށް އިށީދެލައި ގެންނެވެ. އިށީދެތިބި މީހުންނަށް ހިއްވަރުދިނުމުގެ ގޮތުން އަބަދުވެސް ބަޔަކު ހަރަކާތްތެރި ވިއެވެ. މިމީހުން ތިބެނީ ހިނގާލަ ހިނގާލައެވެ. މައިކް އަބަދުވެސް އޮންކޮށް ބޭއްވުމަށެވެ. އަބަދުވެސް ވާހަކަދައްކާނެ މީހުން ތިބީ ތައްޔާރަށެވެ.


އަޅުގަނޑުގެ ޒިންމާރޭވިފައި އޮތީމިބައިގެ ތެރޭގައެވެ. އަބަދުވެސް އުޅެންޖެހުނީ އަވަސް ހަރަކާތުގައެވެ. ބޭރާގުޅުމާއި ފެންވެއްދުމާއި މައިކް ހުސްކޮށް އޮތަނުދިނުމާއި މިކަހަލަ އެތައްކަމެއް ބަލަހައްޓަން ޖެހުނެވެ. މޫވީ ތަކުންނާއި ފޮޓޯތަކުން އަޅުގަނޑުގެ ދައުރުފާހަގަ ކުރެވިފައި އޮތުމުން އެސުވާލުތައް އެކިގޮތްގޮތަށް ތަހުގީގުގައި ކުރިއެވެ. ސަންދާނު ޑީޑީއާއި މުޙައްމަދު އިއާޒު ގެނެސް ހިއްވަރުދީ އެތައްފަހަރަކު ތަކުރާރުކޮށް މައިކަށް އަރުވަން ޖެހުނެވެ.


ސަންދާނު އަހަންމައިދީގެ ދައުރަކީ އީޔޫޕާލަމެންޓްގެ އޮފީސްތައް ހުޅުވެންދެން މިހަރަކާތް ދިގުދެންމުމެވެ. މިކަންކޮށްދިނުމަށް އަންގަމުން ގެންދެވީ ސްވިޓްޒަލޭންޑައި ހުންނެވި ސަންދާނު ލުތުފީއެވެ. އަޅުގަނޑާއި ބޭރަށް ޚަބަރުތައް ފޮނުވަމުން ގެންދިޔަ މީހުންނާ އަބަދުހެން ހުރީ ގުޅިފައެވެ. ތިންފަހަރަށް އަޅުގަނޑުގެ ފޯނުގެ ބެޓެރީ ބަދަލުކުރަން ޖެހުނެވެ. އޭރު ޕަވާބޭންކެއް ނޯވެއެވެ.


އަލީ އަބްދު ﷲ، އަލިބެ އާއި ސިލްވަރސީން އަލީވަހީދާއި އަދި ދޭތެރެދޭތެރެއިން ބޭރުގައި ތިބިމީހުންނާ ތަކުރާރުކޮށް ގުޅަން ޖެހުނެވެ. މިހުރިހާ ކަމެއްގައި އަޅުގަނޑު އުޅެންޖެހުނީ ވަރަށް އަވަދިނެތި ތާށި ވެގެންނެވެ. އަބަދުހެންހުރީ މަޝްޣޫލް ވެފައެވެ. ޖުމްހޫރީ މައިދާނާ ދުރު އެކި ހިސާބުގައި ވެސް ބައިވަރުމީހުން ކުޅިބަލަން ތިއްބެވެ. ބަނދަރުމަތީ ބޯޓުފަހަރާއި ބައްތެލިތައް ވެސް އޮތީ ފުރިފައެވެ.


ބަނދަރުމަތި
ބަނދަރުމަތި

އަދި ވަރަށް ދުރުގައި މަންޒަރު ބަލަން ބައެއް މީހުންތިއްބެވެ. މިއެންމެން ތެރޭގައި އެނބުރި ބޭރުން އަންނަ މެސެޖްތައްދީ ހިތްވަރުދޭން އުޅެން ޖެހުނެވެ. ޚާއްސަ މަޖިލީހުގެ މެމްބަރުންގެ އިތުރަށް މައިކް ދަމަހައްޓައިދިން ބޭފުޅުންނަކީ، ސަންދާނު އަހަންމައިދީ އާއި ޝައިޚް ފަރީދާއި ނައުޝާދު ވަހީދު، ނޯބެ އާއި ފުރަހަނި ޝުޢައިބާއި ސަންދާނު ނިސްރީނު، ނިންނި އާއި އިސްމާޢީލް ޢާޞިފް، އާސިއްޕެ އާއި އައްޑުއަތޮޅު މުޙައްމަދު އިޔާޒު އާއި އަބްދުއްލަތީފް ސުލައިމާނާއި މުޙައްމަދު ފުޅާ މިފަދަ ބައިވަރު ހަރަކާތް ތެރީންނެވެ.


ސަރުކާރާ އެއްކޮޅަށް އަޑުއުފުލި މީހުންގެ ނޭއްގާނީ ހަރަކާތްތައް މެދުކެނޑުމަށް ފަހު، ހުކުރު ދުވަހު ހެނދުނު އަނެއްކާވެސް އަލުން ރާވާލެވިގެން ފެށުނެވެ. ރޭގައި ކުރެވުނު މަސައްކަތްތައް ފެއިލްވުމުން ހެދުނު އައިސް ތިބީ އަލުން ތައްޔާރު ވެގެންނެވެ. ސަރުކާރުގެ އެހީތެރިކަމާ ސިފައިންގެ މަދަދާ އެކުގައެވެ. ސަރުކާރުގެ މުވައްޒަފުންނާއެކުއެވެ. ސަރުކާރުގެ ބައެއް ވެހިކަލްތައް ވެސް އަޑުގަދަކުރާ ބަހައްތައިގެން ދުއްވިއެވެ.


އޭގެ ތެރޭގައި މެދުސައިޒް ޕިކަޕެއްގައި ބޮޑެތި ބޮޑެތި އަޑުޕޮށި ތަކެއްބަހައްޓާއި ތާޅަފިލިހަރުކޮށް އެޕިކަޕްގެ ބޭނުންހިފޭތޯ ވެސް އުޅުނެވެ. މީތި ޖުމްހޫރީ މައިދާނަށް ވެއްދޭތޯ މަސައްކަތްކުރި މީހުންގެ ތެރޭގައި މަޝްހޫރު އައިޑީ އުޅުއްވިތަން ފެނުނެވެ. އޭނާއާ އެތަނުން އަޅުގަނޑު ވާހަކަ ދައްކާހެދީމެވެ. އޭނާ ބުނީ އޮފީހުން އަންގައިގެންކުރި ކަމެއް ވީމާ އެކަމުގައި އުޅެނީކަމަށެވެ.


ސަރުކާރުން އެއްކުރި ކުދިންތައް - ނިޒާމް ހަރަކާތްތެރިވަނީ
ސަރުކާރުން އެއްކުރި ކުދިންތައް - ނިޒާމް ހަރަކާތްތެރިވަނީ

ކޮންމެއަކަސް މިކަން މާބޮޑަކަށް ކާމިޔާބެއް ނުވިއެވެ. ވަކިހިސާބަކުން އެއުޅަދު އެތެރެއަށް ނުވެއްދުނެވެ. ދެން ދެވުނު ހިސާބެއްގައި މަޑުކޮށްފައި ބޭއްވީއެވެ. މިމީހުން އަތުގައި މެގަފޯނުގެ އިތުރުން ވަރުގަދަ ސައުންޑު ސިސްޓަމެއް ހުއްޓެވެ. މިތަކެތި ބޭނުންކޮށްގެން އެމީހުން ގޮވަމުން ދިޔައީ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. މައުމޫނު ޒިންދާބާދެވެ.


އަދި ރައްޔިތުންގެ ތާއީދުއޮތީ ރައީސް މައުމޫނަށެވެ. ސަރުކާރަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. ގާނޫނާ ޚިލާފަށް ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދާ ޣައިރު ގާނޫނީ ކަންތައް ވަގުތުން ހުއްޓާލުމަށް ގޮވިއެވެ. މިމީހުންގެ ތެރޭގައި ހއ.އަތޮޅު މެމްބަރު އަޙްމަދު ނިޒާމާއި ދ.އަތޮޅު މެމްބަރު އިސްމާޢީލް ޒާހިރާއި އަދި ރައީސް މައުމޫނުގެ އާޢިލީ ބައެއްބޭފުޅުންނާއި މިސުރުގެ އެކުވެރި ބައެއް ބޭފުޅުން ހިމެނި ވަޑައިގެން ނެވިއެވެ

.

އަދި، މިމީހުންގެ ތެރޭގައި ޑޮކްޓަރ ފާތިން ޙަމީދާއި އަދިވެސް އެކަމާނާގެ އިތުރުން ޙަމީދުގެ ބައެއް އެހެން ބޭފުޅުން ބައިވެރިވިއެވެ. އަދި ރައީސް މައުމޫނާއެކު މިސްރުގައި ކިޔާވާވިދާޅުވި ސަރުކާރުގެ ވަޒީފައި ތިއްބެވި ބައެއް އަރިސްބޭފުޅުން އައިސްތިއްބެވިއެވެ. ރައީސް މައުމޫނު އެދި ވަޑައިގަތުމުން ވަޑައިގެން ތިއްބެވީކަން ރީއްޗަށް އެނގެއެވެ. އަދި ފުދޭވަރަކަށް ޒުވާނުން ވެސް ނެރެފައި ތިއްބެވެ. ގޭންގުތަކާއި ޕާޓޭން ވެސް ނެރެގެން ގެނެސްފައި ތިއްބެވެ. ޖަލު ދޮރުތައް ހުޅުވާލާފައި ދޫކޮށްލި މީހުންތައް ވެސް އޮތެވެ.


މިއެންމެން ރައީސް މައުމޫނުގެ ސަރުކާރަށް ތާއީދުކޮށް، އެމީހުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. ސަރުކާރު ވަޒީފާތަކުގައި ތިއްބެވި މީހުން ނެރެފައި ތިއްބެވެ. ގައުމީދިދަ ގެންގުޅުނެވެ. ސަރުކާރާ ދެކޮޅަށް އިސްލާހަށް އަޑުއުފުލަމުން ދިޔަމީހުންގެ އަމަލުތައް ކުށްވެރިކޮށް އެމީހުންނަށް ފުރައްސާރަކޮށް، ގޯނާކުރަމުން ޖުމްހޫރީ މައިދާނުގެ ބޭރުބޭރުން ހިނގާހެދިއެވެ. އަޑުގަދަކުރިއެވެ. މިކަން ހިންގަނީ ސިފައިންނާއި ފުލުހުންގެ އެހީގައެވެ.


އަދި ސަރުކާރާ ދެކޮޅަށް އިސްލާހަށް އަޑުއުފުލަމުން ދިޔަމީހުންގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިއެވެ. ރޭގައި ބޮޑުދިދަ ކަނޑާލަން އުޅުގޮތަށެވެ. އެހެނަސް މިމީހުންނާ އަޅާބަލާއިރު، ސަރުކާރާ ދެކޮޅަށް އިސްލާހަށް ނުކުމެތިބި މީހުންގެ އަދަދު މާބޮޑަށް ވެސް ގިނަކަމާއެކު، އެމީހުންގެ ކުރިމަތީގައި މިމީހުންގެ އަޑުމަޑުވެ ފަހަތަށް ޖެހެން މަޖްބޫރުވީއެވެ.


ހެނދުނު އަށެއްޖެހިތަނާ، ސިފައިންގެ ހެޑްކްއޯޓަޒް ތެރޭގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާކަމުގެ އަޑުއެރިއެވެ. އަދި ރައީސް މައުމޫނުގެ ކާރުކޮޅާއި ބައެއް ވަޒީރުންގެ ކާރުކޮޅުތައް ސިފައިންގެ މައިދޮރާށިން އެތެރެއަށް ވަތްތަން ފެނުނެވެ. މިބައްދަލުވުމުގައި ސަރުކާރާ ދެކޮޅަށް އެއްވެތިބި މީހުން އެދުނު ކަންތައްތަކާ އެއްގޮތަށް ސަރުކާރުން އަމަލު ކުރައްވާނެ ކަމުގެ އަޑުތައް ސަރުކާރާ ދެކޮޅަށް އެއްވެފައި ތިބި މީހުންގެ ތެރެއަށްނެރެ، އެވާހަކަ ގަދައަށް އެވަގުތު ވެސް ދެކެވި އަޑު އަރައިގެން ދިޔައެވެ. މިވެސް އޮޅުވާލުމެކެވެ.


މިއަޑުތައް އެރުވީ ސީދާ ސިފައިންނެވެ. އަދި ސިފައިންނާގުޅޭ އަޅުގަނޑު މެންތެރޭގައި ތިއްބެވި، އިބުރާ، ގާސިމް މެންފަދަ ބޭފުޅުންގެ ފަރާތުން މިވާހަކަތައް ރިވާވެގެން އައިސްގެންނެވެ. އަދި އަށެއްޖަހާ އެހާކަންހާއިރު، ސިފައިންގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރު، ޓޫޓޫ އާދައިގެ ހެދުމުގައި ހުންނަވައި ޖުމްހޫރީ މައިދާން ތެރެއަށް ވެންނެވިއެވެ.


ޓޫޓޫ ރައްޔިތުންތެރެ ބައްލަވާލައްވަނީ
ޓޫޓޫ ރައްޔިތުންތެރެ ބައްލަވާލައްވަނީ

އަޅުގަނޑު މެންނާސަލާމްކޮށް ވާހަކަދައްކަވާ ހެއްދެވިއެވެ. ރައްޔިތުންގެ ޕުރެޝަރުގައި ރޭގައި ޖަލުން ދޫކޮށްލެއްވި މުހައްމަދު ފުޅު އާވެސް ވާހަކަދެއްކެވިއެވެ. ސުލްޙަވެރިކަމާއެކު އެއްވުން ނިންމާލުމަށް ބާރުއެޅުއްވިއެވެ. އަވަހަށް ގެއަށް ދިއުމަށް އެދުނެވެ. ޓޫޓޫގެ މިބުރަކީ އަޖުމަ ބައްލަވާ ލެއްވުމުގެ ބުރެއްކަން އަޅުގަނޑަށް ކަށަވަރުކޮށް އެނގުނެވެ. މައިދާން އޮތްނެތްގޮތް ދިރާސާކޮށްލެއްވީއެވެ. އެނބުރި ވަޑައިގެން އައެތެރޭގައި ތިއްބެވި ޓީމަށް އަރުވާނެ މައުލޫމާތަކީ ހީވާގޮތުގައި ރޭންސުރެ ރާވާ މޭޒުމަތީ ސެޓްކުރެވިފައި އޮތް ޕުލޭން ތަންފީޒުކޮށްލަންވީ ކަމަށެވެ.


ޓޫޓޫ އާއި ފުޅު
ޓޫޓޫ އާއި ފުޅު

ބަރާބަރަށް މިވާހަކަތައް އަޅުގަނޑުމެން ބޭރަށް އަންގަމުން ގެންދިޔައީމެވެ. އެހެނަސް އިބުރާމެން ގާސިމުމެން އަޅާނުލުމުން ހުކުރު ނަމާދާ ހަމައަށް ދިޔައިރު މީހުންތައް ތިބީ މާޔޫސްވެ ވަރުބަލިވެ އެއްބަޔަކު އެމީހުންގެ ގެތަކަށް ގޮސް، މީހުންތައް ބޮޑުކޮށް މަދުވާން ފަށާފައެވެ.


ޓޫޓޫއާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި ސިފައިންގެ ބޭކަލުން ސައުންޑް ސިސްޓަމް އަނެއްކާވެސް ގެންދެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެނަސް އެކަމެއް ނުކުރެއްވުނެވެ. ރައްޔިތުހަވަރު ތެރެއިން ބައެއް މީހުން ހުސްފުޅި އުކާވެސް ހެދިއެވެ. ގިނަމީހުން މިކަމާ ހުރަސްއަޅާ ދެކޮޅު ހެދުމުން، ޓޫޓޫ އާއި އޭނާ އާއެކު ވަޑައިގެންނެވި ސިފައިންގެ ބޭކަލުން އެނބުރި ޖުމްހޫރީ މައިދާން ދޫކުރައްވައި އެނބުރި އެތެރެއަށް ވަޑައިގަތީއެވެ. އޭރު މީހުންގަނޑު ތެރޭގައި ޕާޓޭންތައް އުޅެމުން ގެންދިޔައެވެ.


ގިނައަދަދެއްގެ ސިފައިން ތައްޔާރީހާލަތުގައި ރެޑީވެ އަރާއި ފުރިބާރުވެފައި ތިބި ލޮރީއެއް ސިފައިންގެ މައިގޭޓުން އެތެރެއަށް ވަތްތަން ފެނުނެވެ. މިމީހުންތިބީ، މިލިޓަރީ ހެލްމެޓްއަޅާއި ޝީލްޑު ހިފައިގެން ވަރަށް ބޮޑަށް ކުއްލި ހަރަކާތަކަށް ރެޑީވެގެންނެވެ. މިއީ ޓޫޓޫ ދެއްވި މައުލޫމާތަށް ހަރަކާތްތައް ފެށުމެވެ. ދެން ދެކެވެންފެށި ވާހަކައަކީ މާފުށީ ޖަލުހަލާކު ކޮށްލައިގެން ގައިދީންތައް ނުކުމެއްޖެ ވާހަކައެވެ.


އަދި ގައިދީންގެ ބަޔަކު އެރަށުފަޅުގައި އޮތްދޯންޏެއް ކަނޑާލައިގެން މާލެއަންނަ ވާހަކައެވެ. އަދި ކަނޑުމަތިން ކޯސްޓަގާޑު ގޮސް އެމީހުންގަޔަށް ކަރުނަގޭސް ޖަހާއި ދޯނިފައްތާލާއި ޖަލުކުދިންކޮޅު ކޮޅުވެއްޓިއަކަށް ނެގިވާހަކައެވެ. ޙާދިޘާއެއް ވުޖޫދުކުރެއްވީއެވެ.


މިޚަބަރު ހުސްނުއްސުއޫދަށް ލިބުމުން މައިކް ހޯދުމަށް ފަހު، މިވާހަކަތައް އެއްވެފައި ތިބި މީހުންގެ ސަމާލުކަމަށް ގެނައެވެ.  އަދި މިކަންހޫނު ގަނޑަކަށް ބަދަލުވެ ބައެއް ސިފައިންނަށް ހަމަލާދީ ދެމީހެއްގެ ގަޔަށް ޕާޓޭންގެ ބަޔަކު ހަމަލާ ދިނެވެ. މިއީ އިސްލާހީ ހަރަކާތުގެ ބައިވެރިން ހިންގި އަމަލުތަކެއް ނޫނެވެ. ޕާޓޭން ހިންގިކަންތަކެވެ. ކޮޅުވެއްޓީގައި ގެނައި ކުދިންތައް ވެސް ދޫކޮށްލީ އެދިމާއަށެވެ. ތޮށިގަނޑުމައްޗަށެވެ.


ފަހެ، މިއީ ސިފައިންގޭތެރެއިން ރޭވިގެން ނުކުތް ބަދަލު ހިފުމުގެ އޮއިވަރެކެވެ. މަސްރަހު ނުރައްކާހާލަތަކަށް ގެނެސް ކާފިއޫ އިއުލާނު ކުރާށެވެ. ބޮޑުންތައް ސިފައިންގެ ތެރޭގައި ތިއްބަވައިގެން ހުރިހާ ގައިދީންތައް ޖަލުތަކުގެ ދޮރުތައް ހުޅުވާލާފައި ދޫކޮށްލުމަށް ފަހު މާލެ އަރުވާއި އެމީހުންލައްވާއި ސިފައިންނަށް ހަމަލާދީފައި ކާފިއޫ ހިންގުމަށް ހުރިހާކަމެއް ތައްޔާރުކޮށް ނިންމީއެވެ. ވަޒީރުން އެއްކުރީ ރަސްމީކޮށް ކެބިނެޓު ޖަލްސާއެއްގައި މިކަން އިދާރީގޮތުން ޔައުމިއްޔާކޮށްލާށެވެ.


ކުރިން އޮތީ ލިޔުންތައް ރެޑީކޮށް ހަދާފައެވެ. އާދެ، ހާދިސާފެށުނު ގޮތާއި ނިމިގެން މިދިޔަގޮތުން މިޙާދިޘާގެ ފަހަތުގައި ފޮރުވިފަވާ ސިޔާސީ މަކަރުވެރި ރޭވުންތަކާއި ތަދްބީރުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިއީ ރޭވިގެން ހިންގުނު ސިޔާސީ މުއާމަރާއެކެވެ. ފަހުގެ ދުވަސްތަކުގައި މިދިރާސާ ހަދާނެ ކިޔަވާ ކުދިން ފާޅުވެ އެބަ ތިބެން ޖެހެއެވެ. ފެންނާން ޖެހެއެވެ. ބަޔަކު މީހުން ދިވެހިތާރީޚު އޮޅުވާލިޔަދީގެން ނުވާނެއެވެ.


ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ފަރާތުން، ސިފައިންގެ އިދާރާއަށް ވެސް އެކިވަރުގެ ކުދިކުދި ހަމަލާތައް އަމާޒުވިއެވެ. ގަލާއިލަޓިބުރި ފަދައެއްޗެތި ސިފައިންގެ ޢިމާރާތްތަކާ ދިމާއަށްއުކާ ހެދިއެވެ. ސީސީޓީވީ މުގުރާލަން އުޅުތަން ފެނުނެވެ. އެއްވެ ތިބިމީހުންގެ ތެރެއިން މީހަކު އެއްލިގާބުރިއަކުން ޖެހި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުޑަދޮރެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ.


ޕާޓޭންވެސް މިކަމުގެ ތެރޭގައި ފުންކޮށް ހަރަކާތްތެރި ވިއެވެ. ފަހެ، މިހުރިހާކަމެއް ހިންގީ ޖަލުތަކުން ނެރެފައި ފޮނުވި ޕާޓޭންނާއި ކުލަހެދުމުގައި ތިބި ސިއްރު ސިފައިނާއި ސިއްރު ފުލުހުންގެ މީހުންނެވެ. މިއީ ސިފައިންގެ ތެރެއިން ރޭވިގެން ހިންގުނު ސިޔާސީ ރޭވުންގަނޑެކެވެ. ރައީސް މައުމޫނާއި ފަތުހު ﷲ އާއި ޔާމީނާއި އާދަން ޒާހިރުމެން ތިބެގެން ރޭވި ދަންވަރެއްގެ ސިއްރު ރޭވުންގަނޑެކެވެ.


ބޭނުންވީ ކާފިއޫ ހިންގާފައި އެމީހުންބޭނުންވާ ސިޔާސީ ބަޔަކު ހައްޔަރުކޮށް، މުޅިއުމުރަށް އެމީހުންގެ ޒިންދަގީ ދުއްވާލާށެވެ. އެހެނަސް، ﷲގެ ރަޙްމަތުން އެކަލާނގެ ތަދްބީރުތައް މޮޅުއިތުރުކަމުން އެކަން އެހެންނުވީއެވެ. ބައިވަރު ސަބަބުތައް މެދުވެރި ވީމައެވެ. މިމީހުންގެ މަކަރުވެރިރޭވުންތަކަށް ވުރެ، ﷲ ގެ ތަދްބީރު ކުރެއްވުން މަތިވެރިވުމުންނެވެ.


އަޅުގަނޑު ދަންނަވަމުން މިގެންދަނީ، ޖަލުގައި މީހަކުމަރާލާއި ލައިވްކޮށް ބަޑިޖެހި ޙާދިޘާ އާއި މިޙާދިޘާ އަކީ ވަރަށްފުންކޮށް ބަޔަކު ދިރާސާ ކުރަންޖެހޭނެ ދެޙާދިޘާ ކަމުގައެވެ. މިދެހާދިސާގައި ވެސް ބޮޑެތިސިއްރު ރޭވުންތަކެއް ސަރުކާރުން ރާވައިގެން ހިންގިއެވެ. ސަރުކާރު ބަދަހިކޮށް އިތުރަށް ދަންމާށެވެ. ކުރީ ޙާދިޘާއިން ވެރިކަމުގެ ދައުރެއް މެމްބަރުންގެ އިއްތިފާގުން ނެގިއެވެ. މިކަމުގެ ފަހަތުގައި އޮތް 7 ވަނަދައުރު ނެގިގެން ނުވާނެއެވެ! އިންޝާﷲ!


ބައެއްގައުމު ތަކުގައި ސިޔާސީކުޅިގަނޑު ފެށިފައި ހުންނަނީ ކޮންމެވެސް ސިޔާސީމަރަކާ ގުޅުވައި ގެންނެވެ. ނޫނީ ބޮޑުޙާދިޘާއަކުންނެވެ. ކުދިގައުމުތަކުގެ ދުވަސްވީ ވެރިކަން ދެމެހެއްޓުމަށާއި އަދި ބޭނުންވީމާ ފުރޮޅާލުމަށް ދުނިޔޭގެ ސަހުޔޫނީ ޔަހޫދީ ސިއްރުބާރުން މިކަހަލަ ރޭވުންތައް ރާވައިދީ ހަދާފައި އެބަހުއްޓެވެ. އަބަދުވެސް ކުދިގައުމުތަކުގެ ފަހަތުގައި އޮންނަނީ އެބާރެވެ. އެތެރޭގައި ފައްކާކޮށްފައި ތިބޭ އޭޖެންޓުން ތިބެއެވެ.


ހުކުރު ވަގުތު ކައިރިވަމުން އައިއިރު އަޑުގަދަކުރާ ބޭނުންކޮށްގެން ސިފައިންގެއިން އަންގަވަމުން ގެންދެވީ، ޖުމްހޫރީ މައިދާނަށް އެއްވެތިބި މީހުން، އެސަރަޙައްދު ދޫކޮށް ދިއުމަށެވެ. އެހެންނަމަވެސް ސިފައިންގެއިން އަންގާކޮންމެ އެންގުމަކަށް، ޖުމްހޫރީ މައިދާނުގައި އެއްވެތިބި މީހުން، ރައްދުދީ ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ.


މެދުރުގެ އަވިގަދަވެ ހޫނުވާންފެށުމުންނާއި މިކަމުގައި އިސްކޮށް އުޅުނު ބޮޑުންތައް ގެއްލުނު ހިސާބުން ރައްޔިތުންތައް މަދުވެ ގިނަ މީހުން ގެއަށް ދިއުމުން، ބޮޑެތި ގަޑުބަޑުތައް ހަދަމުން ގެންދިޔައެވެ. ކޮންޓްރޯލް ނަގާފައި ވަނީ ޖަލުންނުކުތް ޕާޓޭންގެ ގްރޫޕުގަނޑެވެ. ފަހަތުގައި ތިބީ ސިއްރު ސިފައިންނެވެ!


ހުކުރުން މީހުންފައިބަން ފެށިވަގުތު ހުރަވީބިލްޑިންގުގެ ދެވަނަ ބުރީގައިހުރި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ދޮރުފަތުގައި މީގެތެރޭން ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލިއެވެ. އޭރު އެސަރަޙައްދުގައި ރެޑީކޮށްފައި އޮތް އަލިފާންނިއްވާ ލޮރީން އިސާހިތަކު އެ އަލިފާންގަނޑު ނިއްވާލިއެވެ. މިއީ އެވެރިންގެ ރޭވުމެކެވެ. ކުއްލިނުރައްކަލުގެ އަމުރު ހިންގާންފެށުމަށް އެޅި ބިސްމިއެވެ.


މިހުރިހާ ކަމަކީ ފަޔަރލޮރީ ގެނެސް ބާއްވާ ރާވައިގެން ހިންގުނު ކަންތަކެވެ. މިއީ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް އެއްވިމީހުން ހިންގިއަމަލެއް ކަމަށް ސަރުކާރުން ސިފަކުރިއެވެ. ޓީވީން ބުނަމުން ގެންދިޔައެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް އެއްވި އިސްލާހީ ހަރަކާތުގެ މުޖާހިދުން، މިކަންތައް ތުހުމަތުކޮށް އެޅުވަނީ ސިފައިންގެ ބޮލުގައެވެ. ސަރުކާރުން ރާވައިގެން ކުޅުނު "ސިޔާސީ ޑްރާމާ" އެއްކަމަށެވެ. ޙަޤީޤަތަކީވެސް އެއީއެވެ.


އިސްލާމީ މަރްކަޒުން ހުކުރު ކޮށްގެންފޭބި ގިނަމީހުން ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އަވިގަދަ ވަގުތެއްކަމުން އެއްވި ގިނަމީހުން ތިބީ ޖުމްހޫރީ މައިދާނުގައި ހުރި ރުއްގަހުގެ ހިޔަލުގައެވެ. މީގެތެރޭގައި ގިނައީ ހުކުރުން ފައިބައިގެން ގެއަށްނުގޮސް އިރުކޮޅަކަށް މަޑުކޮށްލި ކުޅިބަލާން ތިބި މީހުންނެވެ. އޭރު އެއްވުމުގެ މުޒާރާގެ އެއްވެސް ރޫހެއް ނެތެވެ. ބޮޑުން ގެއްލި ފިލައިފިއެވެ. ފަތިސްވުމަށް ފަހު މެންދުރަށް އަޅާލި އިރު ވަނީ ކުރީގެ ރޫހު އެކުގައި ގެއްލިފައެވެ. ފުރާނަނެތިފައެވެ. ރެއާއި ހެނދުނާއަޅާ ބަލާއިރު މެންދުރުވަގުތު، އެސަރަހައްދުގައި ތިބި މީހުންގެ އަދަދު މަދުކަން ބޮޑަށް ފާހަގަ ކުރެވެއެވެ.


އޭރު އެސަރައްދުގައި މަގުމަތީގައި ހުކުރުކޮށް ހަދައިގެން އަޅުގަނޑު ވެސް ކުޑަކޮށް މަޑުކޮށްލައިގެން އިރުކޮޅަކަށް ހުރީމެވެ. ހުކުރަށް ފަހު މިސަރައްދު އެއްކޮށް ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޕާޓޭންނާއި ސިފައިން ބަލަހައްޓަމުން ގެންދިޔަ ސަރުކާރަށް ބާރުދޭ ބައެކެވެ. މިމީހުންތައް ސަރުކާރާދެކޮޅު، އިސްލާހީހަރަކާތުގެ އަހުލުވެރިންނަށް އެކިފާޑުގެ އަޑުތައް އުފުލަން ފެށިއެވެ.


ތަފާތު މީސްމީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. މިމަންޒަރު ފެނިފައި އިސްލާހީ ހަރަކާތުގެ އިސް ފަހުމީހެއްގެ ހައިސިއްޔަތުން ވީ ދެރައިން އަވަހަށް އަޅުގަނޑު ވެސް ގެއަށް ގޮސް ނިދަން އޮށޯތީއެވެ. ބަންދު ކުރުމުގެ ކުރިން ނިދާލުމުގެ ނިޔަތުގައެވެ. ފެންނަމުންދިޔަ މަންޒަރުތަކުން ވަރަށް ފޫހިވިއެވެ. އަސަރުކުރިއެވެ. އަދި ބަންދުކުރާނެކަން ކަށަވަރު ކުރެވުނެވެ.


މެންދުރުފަހު ދޭއްހަޖާ އެހާކަންހާއިރު އެއްވެފައިވާ މީހުންނާ މުޚާޠަބުކޮށް ސިފައިންގެ މައިމަރުކަޒު ތެރެއިން ދީނީނަޞޭޙަތް ދެމުން ގެންދިޔައެވެ. ސައުންޑް ސިސްޓަމް އެހީގައި މިއަޑު ކިތަންމެ ބާރަށް ޖުމްހޫރީ މައިދާނަށް އިވުނު ނަމަވެސް، ޖުމްހޫރީ މައިދާނުގައި އޭރު އެއްވެފައި ތިބި މަދު މީސްކޮޅާއި ގޭންގުތަކާއި ޕާޓޭންގެ ގިނަބަޔަކު އެވާހަކަތަކަށް ދިނީ ބީރު ކަންފަތެވެ. އިޖާބައެއް ނުދިނެވެ. މިއީ ރާވާފައި އޮތްގޮތެވެ.


ދެން އެއަށް ފަހުން ސިފައިންގެ ތެރެއިން އެންމެ ފަހުގެ އިންޒާރުގެ ބަސްތައް ދޭން ފަށައިފިއެވެ. ޖުމްހޫރީ މައިދާނުގައި އެއްވެތިބި އެންމެން އެސަރަހައްދު ދޫކޮށްދިއުމަށް އަމުރުކުރަން ފެށިއެވެ. ނުގޮސްފިނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނެވެ. ޕާޓޭންގެ ގިނަބަޔަކު އެންމެފަހުގެ މިއިންޒާރާއެކު ދުރަށް ދިޔައެވެ. އަދި އަނެއްބަޔަކު ސިފައިންގެ އިންޒާރަށް އަޅާލުމެއް ނެތި ތިބީއެވެ. އެއީ މަދުބަޔެކެވެ.


އެންމެފަހުގެ އިންޒާރު ކަމަށްބުނެ ސިފައިންގެ މައިމަރުކަޒުން އިންޒަރުދޭން ފެށީ، ދެގަޑިބައި އެހާއިރުއެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ކުއްލިއަކަށް ފެނުނީ، ގިނައަދަދެއްގެ ސިފައިން ފުލްކިޓުގެ ގިޔަރުގައި ސިފައިންގެ މައިގޭޓުން ނުކުމެގެން ޖުމްހޫރީ މައިދާނާ ދިމާއަށް ދުވެފައިދާ މަންޒަރެވެ. ތަނެއްދޮރެއް ބެލުމެއްނެތިއެވެ. އެމީހުންގެ ވަޙުޝީޙާލަތުގައެވެ. އެވަގުތު މައިދާން ދޫކޮށްފިލަން ދުވިމީހުންގެ ތެރެއިން އަތުޖެހުނު މީހަކަށް އަނިޔާވިޔަސް ހެޔޮކަމަށް ފިސާރިއަކަށް ފަހަތުން ދުވެ ހިފާހައްޔަރު ކުރިއެވެ. މިމީހުން ހިފާހައްޔަރު ކުރުމުގައި ސިފައިން އަމަލުކުރީ ވަރަށް ހަރުކަށިކޮށެވެ.


މުޢާމަލާތް ކުރުމުގައި އާންމުކޮށް ބަހުރުވަބޭނުން ކުރީވެސް ހަޑިހުތުރުކޮށެވެ. ތަޅާއި ބިޑިއަޅުވާއި އެމީހުންގެ ހުރިހާ ޖަޒުބާތީ ނުލަފާ ހުނަރުތަކެއް ތަޖުރުބާ ކުރިއެވެ. މިކަންތައްގަނޑު ތެރޭގައި މޯބައިލްފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދްމަތް ވަގުތީގޮތުން މެދުކަނޑާލިއެވެ. މިއިީ ސަރުކާރުން ކުރެއްވި ވަރަށް ގޯސްއަމަލެކެވެ. އެތައް ބައެއްގެ ހައްގުތަކަށް މިކަމުން އުނިކަން ލިބުނެވެ. އަދި ވަރަށް އަވަހަށް، ކާފިއޫ ހިންގައި "ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާނު ކުރިއެވެ.


ފަހެ، މިއީ މާދުރާލައި ކުރިންސުރެ ކުރަންނިންމާފައިވާ ކަމެކެވެ. އެރޭހަތަރު ދަމާއެކު ހަދާފައިވާ ލިސްޓްގައިވާ ގޮތަށް މީހުން ހައްޔަރު ކުރުމަށް ސިފައިންގެ ވަކިޓީމުތަކެއް ރަށުތެރެއަށް ފޮނުވާލިއެވެ. މުޅި ޕުލޭން އޮތީ ރާވާ ސެޓުކޮށް ރެޑީގައެވެ. މިޙާާދިޘާއާ ގުޅިގެން އެކިދުވަސް މަތިން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 211 އެވެ. އަޅުގަނޑު ހައްޔަރު ކޮށްފައި ވަނީ، 140 ވަނަ އަށެވެ.


އަޅުގަނޑުމެން މައިދާނުން ފޮނުވަމުން ގެންދިޔަ ޚަބަރުތަކާއި ރަށުތެރެއިން، ސިލްވަރސީން އަލިބެމެން ފޮނުވަމުން ގެންދިޔަ ޚަބަރުތަކުން ބޭރުގައި ތިއްބެވި އަޅުގަނޑު މެންގެ ލީޑަރުން ތިއްބެވީ، ވަރަށް ތަރޯތާޒާކޮށެވެ.


ލަންކާ އާއި އިނގިރޭސި ވިލާތާއި އެމެރިކާ އާއި ސްވިޓްޒަލޭންޑްގައި ތިއްބެވި ބޭފުޅުން ގެންދެވީ "ކަޅުހުކުރު" ގެވާހަކަތައް ދުނިޔޭގެ މީޑިޔާއަށް ބަރާބަރަށް ދެމުންނެވެ. އީޔޫގެ މައިމަރުކަޒަށް ވަގުތުންވަގުތައް މިޚަބަރުތައް ދިޔައީ ލިބެމުންނެވެ. އިނގިރޭސިވިލާތުގައި މަރުކަޒު ކުރެވިފައިވާ އިދާރާތަކާއި ބީބީސީ މީޑިއާތަކަށް ކަބަރުތައް ދިޔައީ ލިބެމުންނެވެ.


އެހެންވުމުން، ބީބީސީން މިވާހަކަތައް ވަރަށް ތަފްސީލުކޮށް ކަވަރުކޮށް ދިނެވެ. ގެނެސްދެމުން ގެންދިޔައެވެ. އިނގިރޭސިވިލާތުގެ ޓީމު އަންނިއާއި ސައްޕެ ލައިވްކަވަރޭޖްގައި ބައިވެރިވެ ލެއްވިއެވެ. ލަންކާއިން ގެންދެވީ ހުރިހާ އެމްބަސީތަކަށް ގަވައިދުން ހުރިހާޚަބަރުތައް ރަސްމީކޮށް ފަތުރަމުންނެވެ. މިބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ދެމެމްބަރުންނާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ނުވަ މެމްބަރުންނާއެކު މުޅިޖުމްލަ، އެގާރަ މެމްބަރުން ހައްޔަރުކޮށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރިއެވެ.


އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން، ފުލުސް އޮފީހަށާއި ދޫނިދޫއަށް ގެންދަވައި ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ސުވާލުކޮށް ޖިނާއީތަހުގީގެއް ހިންގާއި ބަޔާންނަގާ ހެއްދެވިއެވެ. އަޅުގަނޑު ގެންދިޔައީ އަޅުގަނޑުގެ ކުޑަކުޑަ ދެދަރިންނާއި އަންހެނުންނާއެކު އަމިއްލަގޭގައި ބީބީސީބަލަން އިންދާ، އިރުއޮއްސި ހަތެއްޖެހި އިރުއެވެ. މިއީ އޭރު ހިންގުނު އޮންލައިން ނޫހެއްގެ ލިންކެކެވެ. މިލިންކުން ބައެއް އިތުރު މައުލޫމާތު ލިބިލައްވާނެއެވެ.


އާދެ، ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވުނު، 11 އިއްޒަތްތެރިންގެ ނަންފުޅުތަކަކީ މިއެވެ:-

1-      ރައްޔިތުންގެ މަޖިލީހުގެ ސ.އަތޮޅު މެމްބަރު ޑޮކްޓަރ މުޙައްމަދު މުނައްވަރު. 68 ދުވަސް ޖަލުގައި.

2-      ރައްޔިތުންގެ މަޖިލީހުގެ އަދ.އަތޮޅު މެމްބަރު އިބްރާހީމް ހުސައިން ޒަކީ. 68 ދުވަސް ޖަލުގައި.

3-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު ޤާސިމް އިބްރާހީމް. 68 ދުވަސް ޖަލުގައި.

4-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރު އިލްޔާސް ޙުސައިން އިބްރާހީމް. 89 ދުވަސް ޖަލުގައި.

5-      ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން. 82 ދުވަސް ޖަލުގައި.

6-      ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު އަޙްމަދު ޝަފީޤު. 97 ދުވަސް ޖަލުގައި.

7-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް. 68 ދުވަސް ޖަލުގައި.

8-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އަޙްމަދު ޢާޠިފް. 42 ދުވަސް ޖަލުގައި.

9-      ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒް. 62 ދުވަސް ޖަލުގައި.

10-   ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު އަޙްމަދު ޢާދިލް. 58 ދުވަސް ޖަލުގައި.

11-   ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ލ.އަތޮޅުގެ މެމްބަރު މުޙައްމަދު ނަސީމް، (ނަފާނަސީމް) 56 ދުވަސް ޖަލުގައި.


ނޯޓު: މިވެރިން އަޅުގަނޑު ދެކެ އަންނަރުޅި މިކަމުން ސާބިތުވެ ސާފުވާނެއެވެ. އެންމެ ގިނަ ދުވަހު މިބުރުގައި ޖަލުގައި ބެހެއްޓީ އަހުރެންނެވެ. އެއީ 89 ދުވަހެވެ.


ޖަލަށް ގެންދިއުން:


13 އޯގަސްޓް 2004 ވީހުކުރު ދުވަހަކީ، މިބުރުގައި އަޅުގަނޑު ޖަލަށް ގެންދިޔަ ދުވަހެވެ. ޖަވާހިރުވާދީއަށް އަޅުގަނޑު ބަލާ އައިސް އޮތީ، ޖީޕެއްގައި ފަސް ސިފައިންނެވެ. ޖުމްހޫރީ މައިދާނަށް ވާގޮތަށް އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދާ ގުޅިގެން ޖަމާޢަތުގައި ހުކުރު ކުރުމަށް ފަހު، ޖަވާހިރުވާދީއަށް އައިސް ކައިނިމިގެން ރަނގަޅަށް ނިދާލާފައި ތެދުވެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެރޭ ހަތަރުދަމު ހޭލާހުރެފައި ނިދާލެވުމުން ވަރަށް އަރާމުކޮށް ނިދާލެވުނެވެ.


އެހެނަސް ހޭލެވުމުން އެކުގައި ނިދިފުރިހަމަ ނުކޮށް ޖެހުނީ ތެދުވާށެވެ. ޚަބަރިތައް ބަލާށެވެ. ތެދުވެ ގޭގެ މީހުންގެ ގާތުން ޚަބަރުތައް އަހާލިއިރު ވަރަށް ގިނަމީހުން ހައްޔަރުކޮށް ފިއެވެ. އަދި މުޅިޖުމްހޫރީ މައިދާން ހުސްކޮށްލާއި މުޅި މާލެ އެކުގައި ސިފައިންގެ ކޮންޓްރޯލް ދަށަށް ގެނެސްފިއެވެ. އަދި މާލޭ ގައި ވަނީ ކާފިއޫހިންގައި ކުއްލި ނުރައްކަލުގެ ޙަލަތު އިޢުލާން ކުރައްވާފައެވެ. އަސާސީގެ އެތައް މާއްދާތަކެއް ސަސްޕެންޑުކޮށްފައެވެ. އަމަލުކުރުން ހުއްޓުވާފައެވެ.


އަޅުގަނޑުބަލާ އައިސްއޮތީ، ސިފައިްނގެ ޖީޕެކެވެ. ސިފައިންގެ، 5 ބޭކަލުން ތިއްބެވިއެވެ. އޭރު އިރުއޮއްސި، 7:00 ޖަހާބޮޑު ވެދާނެއެވެ. އަޅުގަނޑަށް ކޮއްކޮ އަލްހާން ފޯނުކޮށްފައި ދޮންބެ ބަލާ ސިފައިން އައިސް އެބަތިއްބޭ ސިފައިން ބޭނުންވަނީ ދޮންބެ ގެންދާށޭ އައްލޭ ބުންޏެވެ.


އޭރު އަޅުގަނޑުއިނީ ގޭގެ އަމިއްލަ ކޮޓަރީގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން ބީބީސީ ނިއޫސް ބަލާށެވެ. އަޅުގަނޑު ނުކުންނަން ޖެހުނީ ސައުތްއޭޝިޔާއާ ބެހޭޕްރޯގުރާމަށް އަންނި އަރުއްވައި މިޙާދިޘާއާ ގުޅޭގޮތުން ފާހަކަދައްކަވަން ފެއްޓިތަނާއެވެ. ކުޑަކޮށް އަޑުއަހާލުމަށް ލަސްވުމުން އައްލޭ އަޅުގަނޑު އުޅޭބަޔަށް މައްޗަށް އަރާފައި ސިފައިން ބޭނުންވަނީ އަވަސްކުރުމަށޭ އައްލޭ ބުންޏެވެ.


ދެން. އެމީހުން އަޅުގަނޑު ބަލާމައްޗަށް އެރުމުގެ ކުރިން، އަޅުގަނޑަށް ޖެހުނީ ރެޑީވެލައިގެން އައްލޭއާއެކު ތިރިއަށް ފައިބާށެވެ. އަންނިގެ ވާހަކަތައް ފުރިހަމަކޮށް އަޑުއަހާނުލާ ހައްޔަރުވާން ދާން ޖެހުމުން ވަރަށްދެރަވިއެވެ. އަވަހަށް ކުދިންނާއި އަންހެނުންނާ ސަލާމްކޮށް އަންހެނުންނަށް ހިތްވަރުދީ، ގަދަފަދަ ވުމަށް ނަޞޭޙަތްދީފައި މަންމައަށް ލޯތްބާއި ސަލާމްކޮށް ހަދާފައި އަނެއްކާވެސް ދުވަސްގަނޑެއް ވާނެއޭ އެއްގޮތަކަށް ވެސް ދެރަނުވާށޭ އަޅުގަނޑު ހުންނާނީ، ﷲގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށް ނަންގަނެ ގޭގެބޭރު ދޮރާދިމާއަށް ހިނގައިގަތީއެވެ. ގޭގައި ތބި އަންހެނުންނާއި އެންމެން އަޅުގަނޑުގެ ފަހަތުން ރޮމުންއައެވެ. އެންމެންނަށް ހިތްވަރުކުރުމަށް ބުނެފައި އަނެއްކާވެސް ސަލާމްގަލަންކޮށް ހަދާފައި ވަކިވެ ސިފައިންގެ ޖީޕަށް އެރީއެވެ.


ޖީޕްކައިރީގައި ތިއްބެވި ސިފައިންގެ ފަސްބޭކަލުންގެ ތެރެއިން އެކަކީ، ޖީޕުގެ ޑްރައިވަރެވެ. ޖީޕުކައިރީގައި ތިއްބެވި އެނެއް، 4 ސިފައިންގެ ތެރެއިން އިސްކޮށް ހުންނެވި އޮފިސަރު، އިލްޔާސް އަވަހަށް އަރުއްވާށެ ބުނުއްވައިފިއެވެ. ސިފައިންގެއަށް ދާންވީއޭ ބުނުއްވިއެވެ. އަޅުގަނޑު އާންއެކޭ މައްސަލައެއް ނެތޭ ދެންނެވީމެވެ. އަވަހަށް ދާންވީއޭ ކިޔާފައި ޖީޕަށް އެރީމެވެ. ދޮރުލައްޕާލަދިނީ ސިފައިންނެވެ.


ފަހަތުސީޓުގެ ދެފަރާތަށް ދެމީހުން އަޅުގަނޑު މެދުގައި ބޭންދުމަށް ފަހު އެރީއެވެ. ޑުރައިވަރު ކައިރިއަށް، ކުރީސީޓަށް އިސްކޮށް ހުންނެވި އޮފިސަރު އެރުއްވާއި ދެންހުރި އޮފިސަރު ފަހަތު ދޮރުހުޅުވާ ލާފައި އެރީ ފަހަތުގައި އިންނަކުޑަ ސީޓަށެވެ. އަޅުގަނޑާއެކު ސިފައިންގެ މިފަސްމީހުން ޖީޕްދުއްވާލީ، އޯކިޑްމަގުން އިރަށް، އަމީރުއަހްމަދުމަގާ ދިމާއަށް ސިފައިންގެ މައިމަރުކަޒާ ދިމާއަށެވެ.


އެވަގުތު ލައިގެންހުރި ޓީޝާރޓާއި ޖިންސްގެ އިތުރަށް، ގެންދިޔައީ އަތުކުރީގަޑި އާއި އަޅައިގެންހުރި އައިނާއި އަރައިގެންހުރި ފެންފައިވާނާއި ކާންގެންގުޅޭ ޑައިބެޓިކް ބޭސްތަކެވެ. ސިފައިންގެ މައިމަރުކަޒު، ބަނޑޭރިގެ ބޮޑުދޮރާ ދިމާއަށް ހުއްޓާލާފައި އަޅުގަނޑަށް ޖީޕުމް ފޭބުމަށް އެންގިއެވެ.


ބަލާއައި ޓީމުގައި އިސްކޮށް ހުންނެވި އޮފިސަރަކީ، އދ.މަހިބަދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައި އުޅުއްވި ބޭކަލަކަށްވާތީ މީނާއަކީ އަޅުގަނޑު ދަންނަ އޮފިސަރެކެވެ. އަޅުގަނޑަކީ އދ.އަތޮޅު އަތޮޅުއޮފީސް ހިންގުމާ ހަވާލުވެގެން ދުވަސްގަނޑަކު އުޅެފައިވާ މީހަކަށް ވާތީ މީނާވަރަށް ރަނގަޅަށް އަޅުގަނޑު ދަނެއެވެ.


ޖީޕްތެރޭގައި ތިބިއިރު ދެކެވުނު ވާހަކާގައި މިކަން ހަނދާންކޮށް ދިނީ އޭނާއެވެ. މިވާހަކަތައް އަދި ހުރިހާވަހަކައެއް ކިޔައިދީ ދެއްކީ މީނާއެވެ. އެހެނަސް އަޅުގަނޑު މަހިބަދޫގެ އެހަނދާނެއް ނެތެވެ. އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަންއަހާއި ގިނަވާހަކަތައް ދައްކާނެ ވަގުތެއްނެތެވެ.


އަޅުގަނޑު މަޑުންއިނީ މީނާގެ ސްޓޯރީތައް އަހާށެވެ. މީނާ އަޅުގަނޑަށް ބައިވަރު ވާހަކަ ނުހުއްޓި ކިޔައިދިނެވެ. ރޭގައި ސިފައިން ކަންތައް ގެންދިޔައީ ވަރަށް ރަނގަޅަށް އޮމާންކޮށެވެ. އިލްޔާސްމެން އެދުނުހުރިހާ ކަންތަކެއް ލިޔުމުން ހޯދައިގެން ސަރުކާރުން ގެނެސް ވާހަކަދައްކަމުން ގެންދިޔައީ ވަރަށް ރަނގަޅަށެވެ. މިކަހަލަ ވާހަކަތަކެވެ.


މިއިން ވެސް ބޮޑުބަޔަކީ ރާވައިގެން ކުޅެފައިވާ ކަމެއްކަން ސާފުވިއެވެ. އަދިވެސް އޭނާ ކިޔައިދިނެވެ. ސަރުކާރުން ބޭނުންވީ ވާހަކަ ދައްކައިގެން ހައްލުކުރާށެވެ. އެކަންތައް ގެންދިޔައީ ނުލާހިކު ރަނގަޅަށެވެ. އެހެނަސް އެއްވި މީހުން ގޯސްހެދީއެވެ. ތަންތަންރޯކޮށް ސިފައިންނަށް ހަމަލާދީ، ވަޅިހަރާ ހެދީއެވެ. ޖީޕުން ފައިބަން ޖެހޭވަގުތު ކައިރިވަމުންދާތީ، ނޫންގޮތަކަށް އަޅުގަނޑު ބުނެލީމެވެ.


ތިޔަބޭފުޅުންނަށް މިފަދަ ސިޔާސި ކުޅިގަނޑުތަކުގެ ފަހަތެއް ނުވިސްނޭނެއެވެ. ތިޔަވެރިން ތިބޭނީ އޯޑަރަށް ކިޔަމަންވާން ސިކުނޑިއަށް ވައްދައި ދީފައެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ގެނެސްފައި ހުރިހާނުބައިތަކެއް ރޭވީ ބަޔަކުމީހުން އަޑީގައި ތިބެގެން ފައިސާޚަރަދުކޮށް ޕާޓޭންތައް ގެނެސް ޖަލުގެދޮރުތައް ހުޅުވާލައިގެން ނުލަފާ މީހުންތައް ގެނެސް އެމީހުންލައްވާ ހިންގިބޮޑު ކަންތައްގަނޑެއް ވެސް މީގެތެރޭގައި ދިޔައެވެ. އަޅުގަނޑުމެން ހުރިހާ މެމްބަރުން ވާހަކަ ދައްކަމުން ގެންދިޔައީ ދައުލަތުން އެކަމަށް އެދިގެން ނުލާހިކު ރަނގަޅަށެވެ. ކަންތައްގަނޑު ގޯސްކޮށްލީ ވަކިރޭވުމެއްގެ ދަށުންވަކި ބައެކެވެ. ރާވާފައި އޮތްގޮތަށެވެ.


ޖީޕުން ފޭބުމަށް އަޅުގަނޑާ ދިމާއަށް ވަރަށް ބާރަށްބުނީ، ގްރައުންޑްގައި ތިބި ޓާސްކްފޯހުގެ ޓީމުގައި އިސްކޮށް، މާހަރުކަށި ވައްތަރަކަށް ހުރި ތަންކޮޅެއް ޖާނުންވަރުގަދަ އޮފިސަރެކެވެ. އައިނުނަގާ ޖީބަށްލާށޭ ބާރުއަޑުން އަމުރުކުރިއެވެ. އައިނު މޫނުންނަގައި ޖީބަށްލުމުން އެފޯހު ތެރެއިން އޮފިސަރަކު ކުރިޔަށް ޖެހިލައި ވަރަށްބާރަށް ކަޅުފޮތިގަނޑަކުން އަޅުގަނޑު ކަނުބަނދެފިއެވެ. ބަނީވަރަށްބާރަށެވެ.


ދެން އަމުރުކުރީ ދެއަތްފަހަތަށް، ފުރަގަހަށް ލުމަށެވެ. އަޅުގަނދު ދެއަތްފުރަގަހަށް ލުމުން، ދެއޮފިސަރަކު ވެގެން، އަޅުގަނޑުގެ ދެއަތުގައި ހިފާއެއްކޮށް ލުމަށްފަހު، ހަނގުރާމަމަތީގައި ކުށްވެރިން ކުއްލިއަކަށް ހައްޔަރުގެ ދަށަށް ގެނައުމަށް އަތުގައި އަޅުވާ ވައްތަރުގެ "ޕްލާސްޓިކް ޒިޕްޓައި ނޫނީ ކޭބަލްޓައި" cable tie އެއް އަޅުވައި ވާންކޮށްލުމަށް އޭގެކޮޅުގައި ހިފައި އަޅުގަނޑުގެ ދެއަތުގެ ބުރަދަނަށް ލުއްކެތް ޖެއްސެވެ. މިގޮތަށް ދެފަހަރަކު ހަދާލިއެވެ.


އެއިންކޮންމެ ފަހަރަކު، އެ ޒިޕްޓައި ނުވަތަ ކޭބަލްޓައި، އަޅުގަނޑުގެ ދެއަތްއެއްކޮށް ބާރުވަމުން ގޮސް ވަރަށް ބާރުވެއްޖެއެވެ. ވަށައިގެން އަތުގެ ހަންގަޑާއެކު މަސްގަނޑު އުފުލި، ވަގުތުން ތަދުވާން ފަށައިފިއެވެ. މީތި އިނީ ވަރަށް ޓައިޓުކޮށެވެ. ކެމެރާއެއްގެ ފްލޭޝް އަނދައިގެން ދިޔަކަން އެނގުނެވެ. ކަނުބަނުމުގެ ކުރިން އަންހެން އޮފިސަރަކު ކެމެރާއެއް ހިފައިގެން ހުއްޓާފެނިފައި ވުމުން އެމަންޖެ އަޅުގަނޑު މިޙާލަތުގައި ހުއްޓާފޮޓޯއެއް ކުރަހާލީކަން ޔަގީންވިއެވެ.


އަދި ބައެއްކުދިން އަތުގައި ބޮނޑިބޮނޑިއަށް މިފަދަ ޕްލާސްޓިކް ކޭބަލްޓައިތައް ހުއްޓާފެނުނެވެ. ދެން މީގެތެރެއިން އެއްއޮފިސަރަކު ކުރިޔަށް ހިނގާށޭ ބުނެލިއެވެ. ކުރިޔަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ފަހަތުން އަޅުގަނޑުގެ ފައިގައި ދަގަނޑުބޫޓަކުން ޖެހިއެވެ. ދެފަރާތުން ކޮންޑުގައި ދެއޮފިސަރަކު ހިފާއްޓައިގެން ހިންގުވަނީ ކުރިއަށެވެ.


ބަރާބަރަށް ފައިގައި ކަކުލުން ތިރީގައި ބާރަށް ތަޅަމުން ގެންދިޔައެވެ. ކޮންމެ ފިޔަވަޅަކަށް އެތިފަހަރެއްހެން އަރައެވެ. އެކިއޮފިސަރުން އެކިފާޑުގެ ޖެއްސުގެ ބަސްތައް ބުނަމުން ގެންދާއަޑު ފައްގަނޑު އިވެއެވެ. "މިހިރަބޮޑު ސިޔާސީމީހާ މިހިރީ ކީއްވެފަތަ" މިއަޑާއެކު އަޅުގަނޑުގެ ބުރަކަށީގައި އޮފިސަރެއްގެ އަތުން، ބާރަށް ޖެހުމަށްފަހު ގަޅުވާލިއެވެ. ކުރިމައްޗާ ދިމާއަށެވެ. ދެން ކުރިޔަށް ހިންގުވަނީއެވެ. ދެވޭނުދެވޭ ތަނެއް އަދިއެއް ނޭނގެއެވެ. ތަޅަމުން ގަޅުވަމުން ކުރިޔަށް ގެންދެއެވެ. ދެފަރާތުން ދެކޮނޑައި ދިމާލުން އަތުގެ ފަލަމަސްގަނޑުގައި ދެއޮފިސަރުން އަބަދުވެސް ހިފާއްޓައިގެން ތިބެއެވެ.


ބުރަކަށީގައި ވަރަށްބާރަށް އެކަކު ވިކައިގެންފިއެވެ. ވަރަށް ތަދުވިއެވެ. އިތުރަށް ވިކާއި ކަށިމަތީގައި ވެސް ދަގަނޑު ބޫޓުންތަޅަމުން ގެންދެއެވެ. މޭމަތީގައި ވެސް ވިކާހަދަން ފަށައިފިއެވެ. އިތުރަށް ބުނާއަޑު އިވުނެވެ. "އދ.ގެ ސިޔާސި މީހާ ތިހިރީ ކީއްވެފަތަ؟" "ގަދަނުދައްކަނީ ކީއްވެތަ؟" "ދުއްވައި ގަނެބަލަ" "ޙަމީދުގެ އިސްތިއުފާއަށް ގޮވާފަ ދުވަންވީނު!" މިއަޑުތަކުން އަޅުގަނޑަށް ލަފާކުރެވުނީ، މިމީހުން ބޭނުންވެގެން މިއުޅެނީ އަޅުގަނޑުގެ ފަރާތުން ނުކިޔަމަން ތެރިކަމެއް ފެނުންކަން އެނގުނެވެ. ރަނގަޅަށް ތަޅާލެވޭނީ އޭރުންކަން ސާފުކޮށް ދަނެގަނެވުނެވެ.


އެހެންވެ އަޅުގަނޑު ހުރީ ނުކިޔަމަން ތެރިކަމެއް ނުދައްކާއި ކިޔަމަންތެރިވެ މަޑުފުށްގަނޑަކަށް ވެގެންނެވެ. ކަފަކޮޅެއްހެނެވެ. އަޅުގަނޑުގެ ހަށިގަނޑަށް ބޭނުންއެއްޗެއް ހަދަން އެކުދިންނަށް ދޫކޮށްލައިގެންނެވެ. އަނގައިން ޗުއްޕުވެސް ނުބުނަމެވެ. ކެތްކޮށްލީއެވެ. ތަދުވިލެއް ބޮޑުކަމުން ދެފަހަރަކު، ﷲ އޭ ބުނެވުނެވެ. މިހެންވުމުން މި އޮފިސަރުން ރުޅިއަންނާނެ ޗާންސެއް ނުލިބި އަޅުގަނޑު ގެންދަން ޖެހޭހިސާބަށް ވަރަށް އަވަހަށް ގެންދެވިއްޖެއެވެ.


ބަރާބަރަށް ވަށައިގެން ވިކަމުންނާއި ބޫޓުންތަޅަމުން ގެންދިޔައެވެ. މީގެތެރެއިން އެކަކު ބުރަކަށީގައި ދެގޮއްމުށް އެއްކޮށް މުށްކަވާފައި އެތިފަހަރެއް އަޅުވާލާއި ގަންނަވާލަމުން، "މިހިރީ ޅެންވެރިއެއްނޫނޭ މެމްބަރުދޯއޭ" ބުނިއަޑުއިވުމާއެކު އަޅުގަނޑު ވަރަށްބާރަށް ގޮސް ފާރެއްގެ ނުވަތަ ކޮންމެވެސް ތަނެއްގެ ދާރައަކަށް ވާކަހަލަ ތަނެއްގައި ގިއްކިޔާފައި ޖެހުނެވެ. ކަނާތްފަރާތު ކޮނޑާދިމާއިން އަތާއެކު ކުރިމަތިންނެވެ. ފަހުންފެނުނުއިރު މިތަންމަށައިގެން ގޮސްފައި ހުއްޓެވެ. އަދި ބުރަކަށީގައި ޖެހިދިމާއަށް ވަރަށް ގިނަދުވަސް ވަންދެން ތަދުއަރާފައި ހުއްޓެވެ. ކަކުލުގެ ދެތިންތަނެއް ވެސް މަށައިގެން ގޮސްފައި ހުއްޓެވެ. ކަކުލާ ދިމާއިން އެއްތަނުން ލޭއައެވެ.


ދެން އެތެރެއަށް ވައްދާފައި ބެހެއްޓިތާ އިރުކޮޅެއް ވިތަނާހެން އަޅުގަނޑަށް އިވުނީ ސިފައިގޭގައި އިސް އޮފިސަރަކަށް އުޅުއްވާ، އައްޑުއަތޮޅު ތުއްބީގޭ އިބްރާހީމް ދީދީގެ އަޑެވެ. އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑު މިގެންގުޅެނީ ސިފައިންގެ މައިމަރުކަޒު ބަނޑޭރިގޭގެ ގޭޓަށްވާބައިގެ އެތެރެއިން ހިސާބެއްގައި ހެންނެވެ.


އިބްރާހީމް ދީދީ
އިބްރާހީމް ދީދީ

މީނާގެއަޑު އަޅުގަނޑުގެ ކަންފަތުގައި ޖެހުމުން، ކާކުކަން ޔަގީންވުމުން، އަޅުގަނޑު އިބްރާހީމް ދިދީއޭ، ހުވާކޮށްގެން ތިބި ރައްޔިތުންގެ މަންދޫބުންނަށް މިގޮތަށް އަނިޔާކުރަން ހޮޔޮނުވާނޭ، ނިކަން ބައްލަވާށޭ، އަޅުގަނޑުގެ ދެއަތަށް ވެފައި މިއޮތްގޮތް ތަދުވަނީއޭ މިހާރު ކޮނޑާހަމައަށް ތަދުގަނޑު އަރައިފިއޭ، އަތުގައި އަޅުވާފައިއޮތް އެތި ކުޑަކޮށް ދޫކޮއްލަދޭށޭ ދެފަހަރަކު ބުނެފީމެވެ.


އިރުކޮޅެއް ފަހުން އިބްރާހީމް ދީދީގެ އަޑުން އޭތީދޫކޮށްލަދޭށޭ ބުނުއްވި އަޑުއިވުނެވެ. އެހެނަސް އަޅުގަނޑު ހިފާއްޓައިގެން ތިބި ދެމީހުންނާއި ވަށައިގެންތިބި ސިފައިން އަޅައެއް ނުލިއެވެ. އަނެއްކާވެސް އަޑަށްބާރުލާފައި އިބްރާހީމް ދިދީއޭ، މީކާކުކަން މިކުދިންނަށް ނޭނގުނަސް ތިބޭފުޅާއަށް ހަމަގައިމުވެސް ރަނގަޅަށް އެނގޭނެއޭ، އަތުގައި އަޅުވާފައި މީނދި އެތި ދޫކޮށްލަދޭށޭ، މިއަނިޔާއިން ސަލާމަތް ކޮށްދޭށޭ ބުނެފީމެވެ.


މިފަދައަނިޔާ ނުކުރާށޭ ބުނެފީމެވެ. މިހެންބުނުމުން ވަށައިގެންތިބި ސަފައިން އިތުރަށް އަނިޔާކޮށް ޖެއްސުން ކުރަމުން ނުދަނީ، އިބްރާހީމް ދިދީ ކައިރީގައި ހުންނެވުމުން ކަން އަޅުގަނޑަށް އިހްސާސް ކުރެވުނެވެ. ދެންވެސް އިތުރަށް އިބްރާހީމް ދިދީއަށް ނިސްބަތްކޮށް ވާހަކަ ދެއްކީމެވެ. އަޅުގަނޑަށް އަނިޔާ ނުކުރުމަށް ތަކުރާރުކޮށް އެދުނީމެވެ.


ދެން އިރުކޮޅަކުން އަނެއްކާވެސް އިބްރާހީމް ދިދީގެ އަޑުން އޭތިދޫކޮށްދޭށޭ ބުނުއްވިއަޑު އަޅުގަނޑަށް އިވުނެވެ. ދެންވެސް އިރުކޮޅެއް ވުމުން އަނެއްކާވެސް އަޅުގަނޑު ތިންވަނަ ފަހަރަށް އެދުމުން، އިބްރާހީމް ދީދީ، ތަންކޮޅެއް ބާރަށް ހަރުއަޑުން، ތީތިދޫކޮށް ބަލާށޭ ބުނުއްވުމުން އެތަނުން އޮފިސަރަކު ވަރަށް މަސައްކަތްކޮށްގެން އެ ކްލިޕުދޫކޮށް ދިނުމުން، ދެން ތިވަރު އެންމެރަނގަޅޭ އަޅުގަނޑު ބުނީމެވެ.


މިވަރުން އަތްތަޅުވާލާއި އަންބުރާލާ ހެދުނެވެ. އޭރުމުޅި ދެއަތްތިލައިގައި ހީވަނީ ހިނިދުވާހެންނެވެ. އޮތީ މުޅިން އައްސިވެފައެވެ. ދެން މިހެންހުރި ހުރުމުގައި އަޅުގަނޑުގެ ކަނާއަތު މުލައްދަނޑީގައި ފީބާއަކުން ދެލިކާއްތާހެން ހީވާގޮތަށް އެއްޗެއް ލިޔެފިއެވެ. ހީވަނީ އެޅީވަކި ވަކިން ތިންއަކުރު ހެންނެވެ.


ފުރަތަމަ އަޅުގަނޑު ހީކުރީ މީހާކަޅުކޮށް ލުމަށް ހަށިގަނޑުގައި ކަޅުދެލި ކާއްތަން އުޅެނީކަމަށެވެ. ކުޑައިރުކޮޅަކަށް ފަހު، އިބްރާހީމް ދީދީގެ އޯޑަރެއްގެ އަޑު އަނެއްކާ އިވިއްޖެއެވެ. "ތީތީ ނައްޓާލާއި ކަނުމޮހެލައިގެން އޭނާ މައްޗަށް ގެންދާށެވެ. ތީ މަޖިލީހުގެ މެމްބަރެކެވެ." ދެން ހަމަ އެހިނދު އަތުގައި އަޅުވާފައި އިން ކޭބަލްޓައި ނައްޓާލާއި ފިއެވެ. އެހެން އޮފިސަރަކު، ކަނުބަނދެފައި އިންފޮތިގަނޑު މުހެލައިފިއެވެ.


އެހެން ދުނިޔެއަކަށް ނޭވާލެވުނުއިރު ކަމަކުދާކަށް ނެތެވެ. ވަށައިގެން ފެންނަނީ، ހުސް ގައިދީންނެވެ. ކަނުބަނދެ ބިޑިއެޅުވުމަށް ފަހު، އުކާލާފައި ތިބި މީހުންނާއި އުޑުފައިން ބައިންދާފައި ތިބި މީހުންތަކާއި އެކިގޮތަށް ވެއްޓިފައި ތިބި، ބައިވަރު މީހުންތައް ފެންނަން ތިއްބެވެ. ބާރަށް ބަނދެފައި އިންފޮތިގަނޑެއް ނައްޓަލުމުން އަޅުގަނޑަށް ލިބިގެންދިޔަ އަރާމަށް ވުރެ ފެންނަމުންދާ މަންޒަރުތަކުން މާހިތްދަތި ކުރުވިއެވެ. ގިސްލާފައި ރޯއަޑާއި ވީދިފައިހުރި ގަމީސްތަކުގައި ތިބިމީހުންނާއި ލޭން ތަތްތެޅިފައި ތިބި މީހުން ފެނުނެވެ. މުޅިން އެހެން މަންޒަރެކެވެ.


އަޅުގަނޑު މިތަނުގެ މިދިމާއަށް ގެނެސް މިވެއްދީ މަޖިލީހުގެ މެމްބަރެއްކަން ނޭނގިއެވެ. ރަނގަޅަށް އެހެންމީހުންނެކޭ އެއްދަރަޖައަށް ތަލާނުލީ ކިޔަމަންތެރިކޮށް އުޅެވުނީމާކަން ހިތަށް ގެނެވުނެވެ. ތަދުވަމުންދާ އަޅުގަނޑުގެ ދެއަތަށް ބަލާލެވުނީ މިމަންޒަރު ދިރާސާކޮށް ލުމަށް ފަހުގައެވެ.


ދެއަތްބަލައިލިއިރު އޮތީ ނޫފާގަނެ ދުޅަ ވެފައެވެ. ކްލިޕު އަޅުވާފައި އިންތަން ދެއަތުގައިވެސް ކަނޑާނެގިފައި ފެންނަން ހުއްޓެވެ. ކަނާއަތުގެ މުލައްދަނޑީގައި ހިސާބު އަކުރުން، 140 މިއަދަދު ލިޔެފައި އިންދާފެނުމުން އަޅުގަނޑު ގެނެވުނީ މިވަނައަށްކަން އެނގުނެވެ. މިތަނުގައި ފެންނަން، 100 އަށްވުރެގިނަ މީހުން ކަނުބަނދެފާއި ބިޑިއަޅުވާފައި ތިބޭނެއެވެ.


އެކިގޮތްގޮތަށް އުކާލާފައިތިބި މީހުންވެސް ތިއްބެވެ. މިތަނުން މީހުންތައް ނަގައިގެން ގެންގޮސް އެކިދިމާދިމާއަށް ބަހާހަދަނީއެވެ. ކިރިޔާވެސް ނުރުހުމުގެ ކަމެއް ދައްކައިފި ނަމަ، އެމީހެއްގައިގައި ތަޅައި ގަނެއެވެ. އެއްބަޔަކު ބަރިބަރިޔަށް ބައިންދާފައި ވެސް ތިއްބެވެ. އަނެއްބަޔަކު ދެފައިވެސް ބަދެފައި ތިއްބެވެ.


މިމީހުންގެ ތެރޭގައި ގާތްގާތުގައި ފުލްކިޓުގައި މުގުރު ހިފާފައި ތިބި ސިފައިން ތައްޔާރަށް ތިއްބާފެނުނެވެ. ވަރަށް އަވަހަށް އަޅުގަނޑު ގޮވައިގެން ދާންވީމަގު ދައްކަމުން ހިނގައިގަތީ އެތެރެއިން މައިގޭޓާ ދިމާއަށެވެ. ގޭޓުތެރޭގައި މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށެވެ. އިބްރާހީމް ދީދީ، އަޅުގަނޑައި މާދުރުނޫން ހިސާބަކުން ދުށީމެވެ. އެހެނަސް އަނގައިން ބުނެވޭގޮތެއް ނުވިއެވެ.


ބިލްޑިންގުތެރޭން މައިގޭޓް ތެރެއަށް ވަދެވުނު ހިސާބުން، މާފަންނު އުނިމާގޭ ތެރެއިން މަދުން ފެނިފައިވާ، އަބްދުއްރަޝީދު އޭކިޔާ ބޭކަލަކު، އަޅުގަނޑު ސިޑިން މައްޗަށް އެރުމަށް އިޝާރާތް ކޮށްލެއްވިއެވެ. މިއީ ތަންކޮޅެއް މަތީފެންވަރުގެ އޮފިސަރެކެވެ. އަޅުގަނޑު އަތްދިއްކޮށްލާފައި "އައްސަލާމު ޢަލައިކުމް" އޭ ދެންނެވުމުން މިވަގުތު ތިޔަހެން ތިއްބާ ސަލާމްކުރުން ރަނގަޅެއް ނުވާނެއޭ ބުނެ، ސިޑިން އަރުވަމުން އޭނާގެ މޮޅުވާހަކަތައް، ސަޅިބައިސާ އެވަގުތު ވެސް ކިޔައިދޭން ފަށައިފިއެވެ.


ސިޑިއާ ހިސާބުން ޓާސްފޯސް ބޭކަލުން އަޅުގަނޑު މީނާ އާ ހަވާލުކޮށްފައި ހިނގައްޖެއެވެ. އަޅުގަނޑު ދަންނަ މީހަކަށް ވާޙާލު އެއްގޮތަކަށް ވެސް އަޅުގަނޑައި ސަލާމެއް މީނާ ނުކުރިއެވެ. މިކަމާ އަޅުގަނޑު ހިތްހަމަނުޖެހިފައި ހުރީމާ މީނާ އާ މާބޮޑަކަށް ވާހަކައެއް ނުދައްކަމެވެ. އެހެނަސް އޭނާގެ އުދާސްތައް، މިހޫނުގަނޑުގެ ތެރޭގައި އަޅުގަނޑު ފެނުމުން ކިޔައިދެމުން ގެންދިޔައެވެ. މީނާ އަޅުގަނޑަށް އިއްވާކިޔަމުން ގެންދާ ވާހަކައަކީ މިއެވެ. ރޭގަޔާއި މިއަދު މުޅި މިތަން މި ހިފޭއްޓީ އިބްރާހީމް ދީދީ އާއި ތިމަންނަޔާ ދެމީހުން އެކަނި ކަމަށް ބުންޏެވެ.


އަޅުގަނޑުމެން ނޫނީ އެކަކަށް ވެސް ތިޔަބޭފުޅުންނާ ކުރިމަތިލާކަށް ނުކެރުނެވެ. މިހުރިހާކަމެއް މިކުރަނީ ތިމަންމެން ދެމީހުންކަމަށް ބުންޏެވެ. މިވާހަކަތަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. ސަލާމް ބަލައިނުގަތް މީހަކާ މުޢާމަލާތް ކުރާހިތް ނުވީއެވެ.


އޭނާގެ ވާހަކަތަކަށް ހޫންހޫން އަޑެއްދެމުން އޭނާއާ، އަދި ފަހަތުން އައި އާދައިގެ ދެ އޮފިސަރުންނާއެކު ސިޑިންއަރުވަމުން ހިނގުވަމުން އައީސްއެރުވީ މައްޗަށެވެ. މަތީބުރިއަށް އަރުވާއި އެގްޒެކެޓިވް ފިރޮޅުލީގޮނޑޮއެއް ތާކުންނެރެފައި އެގޮނޑީގައި އަޅުގަނޑު އިށީނުމަށް އެންގިއެވެ. މިއީ ފަސްފުރޮޅުލީ އޮފީސް ގޮނޑިއެކެވެ. މިގޮނޑި ބެހެއްޓީ މަތީބުރީގެ ހޯލްތެރޭގައި އިރު ދެކުނުކަނަށް ވާގޮތަށެވެ. މިގޮނޑީގައި އިށީދެފައި އެކިދިމާ ބަލާލުމުން ހަމައެހޯލްގައި އެހެން ގޮނޑިއެއްގައި އިބުރާ ބައިންދާފައި އިންދާފެނުނެވެ. މިއީ ބޮޑު ހޯލެއްގޮތަށް ހުސްކޮށް އޮންނަތަނެކެވެ.


އިބުރާ އިނީ، ހުޅަގު ދެކުނު ބިތުކައިރީގައެވެ. އިބުރާ ބައިންދާފައި އިނީ، ހުޅަގު ފަރާތަށްހުރި ކޮޓަރިއަކަށް މޫނުމަތި ވާގޮތަކަށެވެ. ދެން ފެނުނީ ހުޅަގުފަރާތު މެދަށް ވާގޮތަށް ޑޮކްޓަރ މުނައްވަރު ބައިންދާފައި އިންދައެވެ. އެންމެންވެސް ތިބީ އެއްވައްތަރެއްގެ ގޮނޑިތަކުގައި ވަކިވަކިން ދުރުދުރުގައި ބައިތިއްބާފައެވެ. އެދިމާ ކުރިމަތީގައި ހުރި ކޮޓަރީގެ ބިއްލޫރިގަނޑު ތެރެއިން ސޯފާގޮނޑިއެއްގައި ގާސިމް ބައިންދާފައި އިންދާފެނުނެވެ. ރީތިކޮށް ފެންނަނީ ގާސިމް ތެދުވުމުންނެވެ.


އިށީދެގެން އިންނަވާއިރު ބިއްލޫރިގަނޑުން ފެންނަނީ ގާސިމުގެ ބޯއެކަންޏެވެ. އެވެސް އޭނާ އަޅުގަނޑު މެންނާދިމާއަށް ބަލާލެއްވީމައެވެ. އިރުކޮޅެއްގެ ތެރޭގައި މުނައްވަރު އިންނެވި ދިމާލުގައިހުރި ކޮޓަރިއެއްގެ ދޮރުހުޅުވާ ލައްވާފައި އިބްރާހީމް ހުސައިންޒަކީ ފާޚާނާއަކަށް ވަޑައިގަތުމަށް އޮފިސަރަކާއެކު ނުކުންނެވިތަން ފެނުނެވެ. ޒަކީ ނިމިލެއްވުމުން އެނބުރިގެންގޮސް ވެއްދީ ހަމަ އެތަނަށެވެ.


އަޅުގަނޑު ބައިންދާފައި އިންދިމާގައި އިރުމައްޗަށް ދެވޭ ގޮތަށް ހަނިކޮރިޑޯއެއް އޮތެވެ. އަޅުގަނޑު ގެއިންއައީ މަޣްރިބް ނަމާދަށްކުރި ވުޟޫއުމަތީގައި ކަމުން، ޢިޝާނަމާދު އަޅުގަނޑު އިންގޮނޑި ކައިރީގައި ލަކުޑި ފަންގިފިލާ މަތީގައި ކޮށްލައިފީމެވެ. އަޅުގަނޑު އޭރު ހުރީވަރަށް ހަމަޖެހިފައެވެ. ކުރިންވެސް އެތައްފަހަރަކު ގެނެސްފައި ހުރުމުން ހުރީ ހޭނި ވާނެއެއްޗެއް ވެ ނިމިފައެވެ. ބިރެއް ނުގަނެއެވެ.


ނަމާދުކޮށް ނިމިގެން ބަލާލިއިރު، އިބުރާއިނީ ސިގިރޭޓުބޯށެވެ. ނަމާދުނިމިގެން ފެންފުޅިއެއް ބޭނުމޭ ގާޑަށް ހުރި އޮފިސަރު ކައިރީގައި ބުނުމުން ކުޑަފެންފުޅިއެއް ގެނެސްދިނެވެ. އިރުކޮޅެއް ތެރޭގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ސިޑިން އެރުވިތަން ފެނިއްޖެއެވެ. އޭނާ ބޭންދީ ހޯލްގެ ދެކުނުފަރާތުގެ ކުޑަދޮރުތަކާ ދިމާގައެވެ.


އިރުކޮޅަކަށް ފަހު، ދެންފެނުނީ ސިފައިންގެ އޮފިސަރެއް ކަމުގައިވާ، ނައިބުގޭ މުޙައްމަދު ޙަލީމް، ވަޑައިގެން އިބުރާއާ ވާހަކަދައްކަވާ ތަނެވެ. ދެން އޭނާ ވަޑައިގަތީ ޑޮކްޓަރ މުނައްވަރު އަރިހަށެވެ. ދެން ޑޮކްޓަރ ޙުސައިން ރަޝީދު އަރިހަށެވެ. ދެން އަޅުގަނޑު ކައިރިއަށެވެ. ޙަލީމް ބޭނުންފުޅު ވެލައްވަނީ އަޅުގަނޑު މެންނަށް ރޭގަނޑުކެއުމުގެ ކަންތައް ހަމަޖައްސަވާށެވެ.


މީނާ ބޭނުން ވެލައްވަނީ މިރޭގެ ކެއުމަށް ބޭނުންވާ މެނޫ އޮޅުން ފިލުވާށެވެ. ކޮންމެމީހެއް ކައިރިން ވެސް އެމީހަކަށް ކެވޭނެއެއްޗެއް އޮޅުން ފިލުއްވައި ނޯޓު ކުރެއްވީއެވެ. އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ބޭނުންވާނީ ކުރީފަހަރުހެން ޑައިބެޓޮކް ކާނާއެވެ. ޙަލީމަށް ރަނގަޅަށް އެނގިލައްވާނެއެވެ. ކެއުމަށް ބޭނުންވާނެ އެއްޗެތި އަޅުގަނޑު ކިޔައި ދިނުމުން ނޯޓުކުރައް ވައިގެން ޙަލީމް ވަޑައިގަތީއެވެ. މާގިނަ އިރުތަކެއްނުވެ އުޅެނިކޮށް ފެންނަނީ، ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒު ސިޑިން އެރުވިތަނެވެ. އޭނާވެސް އަޅުގަނޑު މެންގެ ތެރޭގައި ތަންކޮޅެއް ދުރުގައި ގޮނޑިއެއްގައި ބައިންދައި ފިއެވެ.


ގާސިމް ސިގިރޭޓެއް ހިއްޕަވަން އެދުމުން، އަޅުގަނޑުމެން ތިބިހޯލަށް ނެރުއްވައި ގޮނޑިއެއްގައި ބޭންދެވިއެވެ. މިހާރު އަޅުގަނޑުމެން އެންމެންނަށް އެކަކު އަނެކަކު ފެނެއެވެ. ނުފެންނަ ހިސާބުގައި ވަނީ، ޒަކީ އެކަންޏެވެ. އެކަމަކު އަނގައިން ބުނުން މަނަލެވެ. ބަލަބަލަފައި ހޭންތިބެނީއެވެ. މިނޫން މެމްބަރެއް މިރެއަކު ނުފެނެއެވެ. މިގޮނޑިތަކުގައި އަޅުގަނޑުމެން ތިބިއިރު އިރުއިރުކޮޅާހެން ހަޅޭލަވާއަޑާއި ރޯއަޑާއި ތިރީގައި މީހުންނަށް އަނިޔާކުރާތީ، އަނިޔާނުކުރާށޭ ގޮވާއަޑު ރީތިކޮށް އިވެއެވެ.


އަޅުގަނޑު މެންނަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އެދިމާ ބަލާހެދުން މަނަލެވެ. އެހެނަސް އަޅުގަނޑު މެންބަލަހައްޓަން ފޯރިއަށް ތިބި އޮފިސަރުން އެމަންޒަރު ކުޑަދޮރުން ބަލަމުން ގެންދިޔައެވެ. އަދި އެތަންބަލާފައި ހީނމަޖާކޮށް ހަދާތަން ފެނެއެވެ. އަޅުގަނޑުމެން އިށީދެގެން ތިބިގޮނޑިން ތެދުވުން މަނަލެވެ. އެހެނަސް ބައެއްފަހަރު މިވެރިންނަށް ނުފެންނަގޮތަށް ތެދުވެލާފައި އެދިމާ ބަލާލަމެވެ. މީހުންގެނެސް މީހުންނެރޭތަން ފެނުނެވެ. އަދި ތަޅާއަނިޔާ ކުރާތަން ފެނުނެވެ.


މިހެންތިއްބާ ރޭގަނޑުގެ ކެއުން ގެނެސްފިއެވެ. އަޅުގަނޑަށް ހުރީ އަޅުގަނޑު އެދުނުހެން، ބްރައުން ރައިސް އާއި މަހުގެ ކިރުގަރުދިޔައާއި ފިހުނު މަސްބުރިއަކާއި ފެނުކެއްކި ތަރުކާރީއެވެ. އަދި ޝުގަރފްރީ އޮރެންޖް ޖޫހާއި ފްރެޝްފްރުޓް ހުއްޓެވެ. ތަބަކަކަށް ވަތްކޮށްގެން ގެނެސް ޕްލާސްޓިކް ގޮނޑިއެއް މަތީގައި އަޅުގަނޑު ކުރިމަތީގައި ބެހެއްޓިއެވެ.


މިކަމުގައި އުޅުނީ ޔުނީފޯމްގައި ތިއްބެވި ދެއަންހެން އޮފިސަރުންނެވެ. އެކުދިން ވަރަށް ހިތްހެޔޮކަން ފާޅުކުރިއެވެ. ތިބެނީ މަޖާވަރަކަށް ހެވިފައެވެ. އަދި އަޅުގަނޑު އިތުރަށް މަޖާކޮށްލުވައި އެކުދިން ހެއްވާލީމެވެ. އިރުކޮޅަކުން ފެންފުޅިއެއް ހިފައިގެން ވެސް އައީހަމަ މިދެކުދިން އެކީގައެވެ. ތަބަކުގައިހުރި އުލާސަމްސާތައް ހުރީ، ޓިޝޫއަށްލައި އޮޅަލާފައެވެ.


ހަމަޖެހިލައިގެން އިނދެ މަޑުމަޑުން ކައިނިންމާލީ ލަސްލަހުން ގިނައިރުންނެވެ. ވަގުތުޕާސް ކުރުމުގެ ގޮތުންނެވެ. މިމަންޖެމެން ކައިނިމޭތޯ ބަލަމުން ގެންދެއެވެ. ބައެއްފަހަރު ބަލައިލާ ހަދައެވެ. ކުރިން ދަންނަ ކުދިންނެއް ނޫނެވެ. ކާންއިންއިރު ޑިފެންސް މިނިސްޓްރީގައި އުޅުއްވާ ޙާފިޒު ދެފަހަރަކު ހިނގާބިނގާވާތަން ފެނުނެވެ. މިއީ އަހުރެމެން ގެއަށް ކޮއްކޮމެންގާތަށް، އަހަރެންގެ ޖާސޫސުކުރަން އައިސްއުޅޭ ބޭފުޅެކެވެ. އަޅުގަނޑާ ދިމާއަށް އިޝާރާތްކޮށް އަތްހިއްލާލިއެވެ.


މިކަލޭގެ ބިރުނުގަތީ މީހަކު ފެންނަން ނެތުނީމާކަމަށް ވެދާނެއެވެ. ފަހުން އެނގުނު ގޮތުގައި ސިފައިންގެ ތެރޭގައި ހައްޔަރުކުރި މީހުންނަށް އަނިޔާކުރަމުން ދިޔައިރު، ފަތްޙު ﷲ އާއި އެފަދަ ބޮޑުން މިމަންޒަރު ބަލަމުން ގެންދެވިކަމެވެ. އެކަން ސާފުވެ އޮޅުންފިލައި އެނގުނެވެ. ބައެއް މީހުންނަށް އަނިޔާ ކުރާތަން ފެނުމުން ފަތުހު ﷲ އަށް ފޯރިއަންނަ ކަމަށް ވެއެވެ.


މިހެންތިބި ތިބުމުގައި ޑޮކްޓަރ މުނައްވަރު އިރުއިރުކޮޅައި އަމިއްލަ ދެފައިގެ ކަށިމަތި ގުދުވެގެން އިނދެ މޮޑޭތަން ފެންނާތީ އިޝާރާތުން ސިފައިން ތެޅީތޯ، އަޅުގަނޑު އަހާލައިފީމެވެ. އާންއެކޭ ވިދާޅުވާ ގޮތަށް މުނައްވަރު ބޯޖައްސަވާ ލެއްވިއެވެ. އަޅުގަނޑުވެސް އިޝާރާތުން އަނެއްކާވެސް އަޅުގަނޑުގައިގާ ވެސް ތަޅާއި ވަރަށް އަނިޔާކުރިކަމަށް ބުނެފީމެވެ. އިބުރާ އިންނެނީ މިމަންޒަރު ބަލާށެވެ.


މުނައްވަރަށް ވުރެކުރިން އިބުރާ ޖަވާބުގައި ޝަހާދެއްހޭ ކިޔާފައި އަނގަމަތީގައި އެއްއިނގިލި އަޅާގޮތަށް ހައްދަވާލެއްވި ތަންފެނުނެވެ. މުނައްވަރު ވެސް ބޯޖަހާ ލެއްވިއެވެ. އަދި އަޅުގަނޑުގެ އަތް އިބުރާއަށް ދައްކާލާފައި، 140 ބޮޑުކޮށް ލިޔެފައިހުރިތަން އަނެއްއަތުން އިޝާރާތްކޮށް ދައްކާލުމުން އިބުރާ ދޭއްޗެކޭ ބުނުއްވިއެވެ. މާރަނގަޅަކަށް ސާފެއްނުވިއެވެ. އިބުރާ އިންނަވައިގެން ހޭތަން ފެނުނެވެ. އިޝާރާތުން ކެތްތެރިކަމުގެ ނިޝާން ދައްކަވާ ލެއްވިއެވެ. ހިތްވަރު ކުރުމަށް ވިދާޅުވެ ދެއްވިކަން އެނގުނެވެ. މިބޭފުޅުން ބިރުގަންނަ ވަރުން މާގިނަވާހަކައެއް ނުދެއްކުނެވެ. އިޝާރާތް ކޮށްކޮށްފައި ހޭންތިބެނީއެވެ.


ރޭގަނޑުވެ ދަންވެއްޖެއެވެ. ތިރިން އިވޭއަޑުތައް ދަނީގަދަ ވަމުންނެވެ. މުޅިސިފައިންގެތެރެ އޮތީ ބޭރު މަގުމައްޗާއެކު ދިއްލާއި އަލިކޮށްފައެވެ. ގައިދީންގެ އަޑުތައް ފިޔަވާ އެހެން އެއްވެސް އަޑެއްބަޑެއް ޖައްވުތެރެއަކު ނެތެވެ. އޮތީވަރަށް ހަމަހިނމޭންކޮށެވެ. ވަށައިގެން މަގުތައް އޮތީހުސްކޮށެވެ. ރޯއަޑާއި ހަޅޭލަވާއަޑު އެތެރެއިން އިވެއެވެ. ފޮޓޯނެގުމަށް ފްލޭޝް އަންދާކަން، އޭގެ ވިދުވަރު ފެންނާތީ އެނގެއެވެ. ދަންވަރު އެކެއް ޖެހުމަށް ފަހު، ޤާސިމާއި ޒަކީ އާއި ޑޮކްޓަރ މުނައްވަރު ތިރިއަށް ކޮންމެވެސް ދިމާއަކަށް ގެންގޮސްފިއެވެ.


އިރުކޮޅަކުން ޑޮކްޓަރ ޙުސައިން އިޝާރާތުން އެމީހުންގެންދިޔައީ ދޫނިދޫއަށް ކަމަށް އަންގާލެއްވިއެވެ. ހީވަނީ އެފަޅީގެ ކުޑަދޮރުތަކުން ބޭރުބާލައި ލެއްވީހެންނެވެ. މިތާތެރޭގައި ގާޑުންނަށް ތިއްބެވި އޮފިސަރުން އެވަރަކަށް އަޅުގަނޑުމެންގެ ކަންތަކާ ފަހަކަށް އައިސް ބެހިއެއް ނުހަދައެވެ. ތިނެއްޖެހި ފަހުން އިބުރާ ވެސް ގެންގޮސް ފިއެވެ. ހީވަނީ އެންމެން ވެސް ދޫނިދޫ ޖަލުގެ ކުޑަގޮޅިތަކަށް ބަދަލުކުރަނީ ހެންނެވެ.

ތިންގަޑިބައި އެހާކަންހާއިރު އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި އަލީފާއިޒު ވެސް ބަލާ އަތުވެއްޖެއެވެ. ސިޑިން ތިރިއަށް ބާލާއިގެން ގެންގޮސް ވެއްދީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ފަހަރަކު މީހަކު ލައްވާ ސޮއިކުރުވީ ބަންދުކުރެވުނު ސަބަބު އަންގާ ލިއުމުގައެވެ.


މިކަންނިމުނުއިރު ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. ދެން އެޢިމާރާތުގެ ފަސްޓްޕްލޯގައި ހުންނަ ތަހުގީގުކުރާ ބައިގެ އުތުރުފަރާތުގައި އޮންނަ ހުސްބައިގައި ހުރިގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށް އެންގުމުން ނަމާދުކުރަން ބޭނުމޭ ވުޟޫއު ކުރެވޭނެ ގޮތެއް އެބައޮތްހޭ އެހުމުން އަރިމަތީ ތާކުން ފާޚާނާއެއް ދައްކާފައި ވަދެވުޟޫއު ކުރުމަށް ގާޑަކަށް ހުރި އޮފިސަރު ބުންޏެވެ.


ފާޚާނާއިން ނުކުތުމުން ކުނަލެއް ގެނެސްދިނުމުން އެތާތަޅުންމަތީގައި ފަތިސްމަނާދު ކުރީމެވެ. އިރުކޮޅަކުން ޑޮކްޓަރ ޙުސައިން ވެސް އެތަނަށް ކުނަލެއް ހިފައިގެން އައިސް ފަތިސް ނަމާދު ކުރެއްވިތަން ދުށީމެވެ. ސޮއިކުރުވި މިލިޔުމަކީ، ކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރެވެންޏާ، 24 ގަޑިއުތެރޭގައި އެކަން ލިމުމަކުން އަންގަން ޖެހޭތީއޭ ބުނެ ތައްޔާރު ކުރި ލިޔުމެކެވެ.


މިލިޔުމުގައި ސަބަކަކަށް ލިޔެފައިއޮތީ، އޯގަސްޓް 12-13 ގައި ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ ހިންގިޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެ އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވެނީކަމަށެވެ. މިލިޔުމުގައި ސޮއިކުރުވީ ދެފަށުގެ، ޢަބުދު ﷲ ނަވާޒު ކިޔާ އޮފިސަރެކެވެ. ފަތިސް ނަމާދުކޮށް ނިމުނުތަނާހެއް ފޯރިއެއް ބަލާއައިސް ހުއްޓެވެ. ސޮއި ކުރުވުމުގައި އިސްކޮށް އިންނެވީ ސްޓާފް ސަރޖަންޓް އަލީ އަޙްމަދެވެ. ބަލާއައި އޮފިސަރު ހިނަގާށޭދާން ކިޔާފައި އަޅުގަނޑު ގޮވައިގެން ހިނގައިގަތީ، ދޮރުންނުކުންނަ ގޮތަށް ސިޑިއާ ދިމާއަށް ތިރިއަށް ދާގޮތަށެވެ.


ސިޑިން ބާލައިގެން ބިލްޑިންގުން ނުކުމެ ތޮށިގަނޑު މައްޗަށް ގެންދިޔައިރު، ކޯސްޓްގާޑު ފްލީޓުގައި ބޭނުންކުރާ ވައްތަރުގެ ގަލްފްކްރާފްޓް ސްޕީޑް ލޯންޗެއް ރެޑީކޮށްފައި އޮތެވެ. އެލޯންޗަށް އެރުވީ އަޅުގަނޑާއި ޑޮކްޓަރ ހުސައިނާއި އަލީ ފާއިޒެވެ. އަޅުގަނޑުމެން ތިންމީހުން އަރުވައިގެން ދުއްވާލީއެވެ. ފަސްމިނެއްޓެއްހާ އިރުތެރޭގައި އިސްޕީޑް ދަށްކޮށްލީމާ ބަލައިލިއިރު ދޫނިދޫއޮތީ ވަރަށް ކައިރިވެފައެވެ. ބަނދަރުކޮށް ފޭބިއިރު، ލޭޑީ އިބްރާހީމް މަނިކު ތޮށިގަނޑު މަތީގައި އިސްތިގްބާލުގައި ހުންނެވިއެވެ. ދޫނިދޫޖަލު ބަލަހައްޓަވަން އިސްކޮށް ހުންނެވީ އޭރު އޭނާއެވެ.


އެހެންކަމުން ލޭޑީގެ އިދާރީބައި ނިންމާލެއްވުމަށް ފަހު، ޖަލުގެ ގަވާއިދުގެ ކޮޕީއެއްގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. އަޅުގަނޑަކީ ޑައިބެޓިކް މީހެއްކަމާއި އަޅުގަނޑަށް ކާންދޭން ޖެހޭނީ ޑައިބެޓިކް ކާނާކަމުގައި ދެންނެވުމުން އެވާހަކަ އިތުރުކޮށް އަލުން ގަނޑެއްގައި އެވާހަކަ ވަކިން ލިޔެފައި ސޮއިކުރުވިއެވެ. މިލިޔުން ވަކިފައިލަކަށްލާއި އަޅުގަނޑަށް ޚާއްސަ ކެއުމެއް ހަމަޖައްސައި ދޭނެކަމަށް ލޭޑީ ވިދާޅުވިއެވެ.


އަޅުގަނޑު ގެނައި ޑައިބެޓިކް ބޭސްތައް ގޮޅިއަށް ވެއްދުމުގެ ހުއްދަ ދެއްވިކަމަށް އެފައިލުގައި ލިޔުއްވިއެވެ. ބޭސްތަކާއި ފަޓުލޫނުގެ ބެލްޓުވެސް ގޮޅިއަށް ގެންދެވޭގޮތަށް ހުއްދަދެއްވީއެވެ. މިއީ ކުރީފަހަރު ތަކުގައި ކުރާކަމެއް ނޫނެވެ. އަޅުގަނޑަށް ޚާއްސަގޮތެއް ހަމަޖައްސައި ދެއްވީއެވެ. ގަވައިދުން ޑައިބެޓިކް މީހެއްގެ ގޮތުގައި ރަޖިސްޓްރީ ވީއެވެ. އަޅުގަނޑަށް ގޮތެއް ވެއްޖެއްޔާ ލޭޑީ ޒިންމާ އުފުއްލަވަން ވާނޭ، ސަމާސާ ރާގަށް އަޅުގަނޑު ދަންނަވާލީމެވެ. މީނާ ވަކިއެއްޗެކޭ ނުބުނުއްވާ ހީލެއްވީއެވެ.


މިހުރިހާ ކަމެއްނިމި ގޮޅިއާ ހަމައަށް ގެންދެވުނުއިރު އިރުގެ އަލިކަން ޖައްވުތެރެއަށް ފާއްދާލައިފިއެވެ. ތަންތަން ފެންނަވަރު ވެއްޖެއެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 17 ނަމްބަރު ގޮޅިއަށެވެ. މިއީ އަޅުގަނޑަށް އާތަނެއް ނޫނެވެ. މުޅިން ހިތުދަސް ތަނެކެވެ. އިރުގެއަލިކަން ފެތުރި ޖަލުގެ ފޯރިއަކާ ދިމާވުމުން ޚަބަރުތައް ސާފުކޮށް ލުމުން އެނގުނު އެއްޗަކީ، އިބުރާ އިންނެވީ، 2 ނަމްބަރު ގޮޅީގައިކަމެވެ.


މިއީ ދޫނިދޫ ޑިޓެންޝަން ސެންޓަރުގެގެ އެއްނަމްބަރު ޖަލެވެ. ޑިޓެންޝަން ސެންޓަރު މިރަށަށް ކިޔަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ވިސްނާ، ވިސްނާވެސް ނޭންގުނެވެ. އަޅުގަނޑުމެން ކިޔަނީ، "ދޫނިދޫ ޕްރިސަންެ" އެވެ. މިބައިގާ އަދިވެސް ކުރިންހުރި، 16 ގޮޅިއާއި އިތުރު ގޮޅިތައް ހުރެއެވެ. އަދި ދެނަމްބަރު ޖަލެއްހުރެއެވެ. އެބަޔަށް ވަންނަން ހުންނަނީ އެހެން ދޮރެކެވެ.


ދެނަމްބަރު ޖަލުގައި ތިބީ، އަހްމަދު ޢާދިލާއި އެކްސްރޭ އަޙްމަދު ޢާޠިފާއި ނަފާނަސީމާއި ގާދިއްފުށީ އަހްމަދު ޝަފީޤު، ސައްޕެ އާއި ހުޅުދޫ ހުސްނުއް ސޫޢޫދާއި ޢަލީ ޝިޔާމާއި ނަޒާކީ އިބްރާހީމް ޒަކީ އާއި ޅޮހީގޭ މާހިރާއި ޒިޔާއްޓޭ އާއި އައިސީ އާއި މުޙައްމަދު ފުޅާއި ސިފައިންގެ މީހެއްގެ ގަޔަށް ކަޅުހުކުރުގައި ވަޅިހެރި، ޙުސައިންޕައިޑާ އާއި ކުޅުދުއްފުށީ އާދަމް ހޮލޯގުރާމް، އަންމަޑޭ އާއި އޭނާގެ ބޭބެ ޢަބްދުއް ރަޝީދު އާދަމް، އަބުސީ އާއި ނަންރީތި ސަލީމްގެ ދަރިފުޅާއި މިފަދަ ގައިދީން ތަކެކެވެ.


އެއްނަމްބަރު ޖަލުގައި އަޅުގަނޑައި އިބުރާއާ އެކުގައި ތިބީ، 1 ނަމްބަރު ގޮޅީގައި ސޫޒަން އިބްރާހީމް ފުޅު އާއި، 5 ނަމްބަރު ގޮޅީގައި ޒުހައިރާޢުމަރު، އާންޓީ ހުންނެވިކަން އެނގުނެވެ. ޤާސިމާއި މުނައްވަރާއި ޒަކީގެންގޮސް ވެއްދި ދޫނިދޫގައި ޑޭވީހުންނެވިގެ ކޮޅުގައި ހަދާފައިހުރި އެއަރކޯން ކޮޓަރި ތަކަށެވެ.


އަޅުގަނޑާއެކު ގެނައި ޑޮކްޓަރ ޙުސައިން ރަޝީދު ވެއްދީ އެއްނަމްބަރު ޖަލުގެ، 9 ނަމްބަރު ގޮޅިއަށެވެ. އަދި ޢަލީފާއިޒު ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. ގޮޅިއަށް ވައްދަމުން ކޮންމެ މީހަކަށް، މުންޑަކާއި ޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްއުނގުޅާ ބޭސްފުޅިއަކާއި ސައިބޯންޏަކާއި ތުވާއްޔެއް ދީފައި މިތަކެތި ލިބުނުކަމަށް ފޮތެއްގައި ސޮއިކުރުވިއެވެ. މުންޑައި ތުވާއްޔަކީ އެންމެދެރަ ފޭރާމުގެ އެއްޗިއްސެވެ.


14 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 2 ވަނަ ދުވަހެވެ. ރޭގަނޑު ކެއުމުގެ ފަހުން ތަހުގީގަށް ނެރުނެވެ. މިއީ ތަހުގީގު ކުރުމަށް ނެރޭ ފުރަތަމަ ފަހަރެވެ. ތަހުގީގުޓީމުގައި އިސްކޮށް ތިއްބެވީ، ޢަބްދު ﷲ ނަވާޒާއި އަލީ އަޙްމަދު އެވެ. މިޓީމާއެކު އެހީތެރިވުމަށް، މޯރާތައުފީޤާއި ޚަލީލުކިޔާ ބޭފުޅަކާއި އަދިވެސް ދެޕުރައިވެޓުން ތިއްބެވިއެވެ. މިއީ ތަހުގީގުޓީމާ ވަކިން ހަރަކާތްތެރިވާ ބައެކެވެ. ބިސްމި ކިޔާފައި އަޅުގަނޑު ފުރަތަމަ ވެސް ފެއްޓީ، އަޅުގަނޑު ކަނުބަނދެފައި ރަނގަޅަށް ތަޅާލި މައްސަލައިގެ ވާހަކައެވެ.


އަދި ރޭގައި ޖަލަށް ވެއްދިއިރު ވެސް، ލޭޑީ އިބްރާހީމް މަނިކު ކައިރީގައި މިމައްސަލަ، ޝަކުވާއެއްގެ ގޮތުގައި ޖެއްސީމޭ ދެންނެވީމެވެ. އަދި އަޅުގަނޑަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިމްތިޔާޒުތައް ލިބިގެންވާ، ﷲ ގަންދެއްވައި ހުވާކޮށްގެންހުރި އިއްޒަތްތެރި އެކޭ ނަންގަތީމެވެ. އަޅުގަނޑު ހައްޔަރުކޮށްފައި ބަހައްޓަންވާނި އަޅުގަނޑު ކޮށްގެންހުރި ހުވަޔަށް ޢަމަލުކުރެވޭ ގޮތަށޭ ދަންނަވައި އިލްތިމާސް ކުރީމެވެ.


އަދި މިހާރުވެސް ސިފައިންގެ އޮފިސަރަކު ޖަހައިގެން ބުރަކައްޓަށް ތަދުވާކަމާއި ކަކުލުގައާއި އަތުގައި ކޮނޑާދިމާއިން މަށައިގެން ގޮސްފައިހުރި ތަންތަން މިދެމީހުންނަށް ދައްކައިފީމެވެ. ޢަލީ އަޙްމަދާއި ނަވާޒު ވިދާޅުވަނީ އަނިޔާ ކުރިއްޔާ ތިކަމެއްކުރީ ރާއްޖޭގެ އާމީން، އާދެ ސިފައިންނެވެ.


މިހާރު ސިފައިންނާ ފުލުހުން މަސައްކަތް ކުރަނީ ވަކިންނެވެ. މިއަންނަމަހު އެކެއްގައި ރަސްމީކޮށް އެކަންތައް ސަރުކާރުން އިއުލާނު ކުރައްވާނެއެވެ. ތިޔަ މައްސަލަ ވެރިންނާ ހަމައަށް ގެންގޮސް ދޭނަމެވެ. ތަހުގީގު މިހިންގަނީ ދިވެހި ރާއްޖޭގެ ފުލުހުންނެވެ. ދިވެހި ސިފައިންނެއް ނޫނެވެ. ރަސްމީކޮށް މިދެތަނުގެ ވަކިކުރެއްވުން އިއުލާނު ކުރެވޭނެއެވެ. ވިދާޅު ވެއްޖެއެވެ. ތިޔަކަންތައް ވެރިންނަށް ހުށަހަޅައި ދޭނަމެވެ.


ދެން، އަޅުގަނޑު ދެންނެވީމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ސިފައިން ދެނަމަކަށް ބަހާލިއަސް ތިޔަބޭފުޅުން ތިޔަކުރައްވަނީ ރައީސް މައުމޫނު އަންގަވާ ކަންތަކެވެ. ގާނޫނަކުން ލާޒިމުކުރާ ކަންތަކެއް ނޫނެވެ. ތިޔައީ އެމަނިކުފާނަށް ކިޔަމަންތެރިވާ ގޮތަށް ތިއްބަވާ އެއްބައެކެވެ. އެއް ޖަމާއަތެކެވެ. ދެކުލައިގައި ޔުނީފޯމް ހުރެދާނެއެވެ. ތިޔައީ ގާނޫނު އަސާސީއަށް ބަލައިގެން އުޅުއްވާ ބައެއްނޫނެވެ. ތިޔަމީހުން އަޅުގަނޑަށް ކުރިއަނިޔާ ތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. މިހުރީ އަނިޔާކުރިކަން ސާބިތުވާނެއެވެ. މިތަންތަން ފޮޓޯނަގަން އަޅުގަނޑު ބޭނުމެވެ. ތިޔަކަންތައް ފަހުންބަލާނީއޭ ފޮޓޯއެއް ނުނެގޭނޭ ބުނުއްވިއެވެ.


ދެން އެއްސެވީ ލޯޔަރެއްގެ ބޫނުން ހިއްޕަވަން އިލްޔާސް ބޭނުންފުޅިއްޔާ އެކަން ކުރެއްވިދާނެއެވެ. ހަމަމިހެން ބުނުއްވުމާއެކު ލޯޔަރެއްގެ ބޭނުން ހިފަންބޭނުމޭ ދަންނަވައި ފީއެވެ. ކާކުތޯ ހަމަޖައްސާނީ އެއްސެމުމުން ގެއަށް ގުޅާއި އޮޅުންފިލުވުމަށް ފަހުފައި ބުނެދެވިދާނެއޭ، ދެންނެވުމުން އެކަން ހަމަޖައްސަވައި ދެވިދާނޭ ވިދާޅުވެއްޖެއެވެ. މިއެދުމުގެ މަތިން، ގެއަށް ގުޅުމުން، ލޯޔަރު އަލްއުސްތާޒު އަހްމަދު މުއިޒް ހަމަޖެއްސުމަށް ގެއިން ބުންޏެވެ. އެހެންމީހުންގެ ލޯޔަރުކަން ކުރައްވަނީ ވެސް އަހްމަދު މުއިޒު ޓޮސްބެއޭ ގެއިން ކޮއްކޮއެއް ކަމުގައިވާ މުޙައްމަދު ރަޝީދު، ބިގޭ ބުންޏެވެ.


އަދި މުޢިޒުގެ ނަމްބަރު ގެއިން ބިގޭ ދިނުމުން، ގެއަށް ގުޅިކޯލް ނިންމާފައި އަޅުގަނޑުގެ ލޯޔަރ އަޙްމަދު މުޢިޒުއާ ގުޅަން ބޭނުންކަމަށް އެދުމުން އެކޯލްވެސް ހަމަޖައްސައި ދެއްވިއެވެ. ގުލާލިތަނުން އަލްއުސްތާޒު އަޙްމަދު މުޢިޒު، ޓޮސްބެއާ ގުޅިއްޖެއެވެ. މުޢިޒު ހުންނެވީ މިކަންތައް ކޮށްދޭހިތުން އުފަލުންނެވެ. މާދަމާ ތިކަމާގުޅޭ ސިޓީލާނަމޭ ވިދާޅުވިއެވެ. ވަރަށް ސަލާމް ބުނެފައި ޙުސްނު ކޮބައިތޯ އަހާލުމުން އިއްޔެއިން ފެށިގެން ޙުސްނުއްސުޢޫދު ނުފެންނަކަމަށް މުޢިޒު ވިދާޅުވިއެވެ.


އެންމެންނަށް ސަލާމްބުނެފައި ދެންކަނޑާ ލީއެވެ. ދެން ތަހުގީގުޓީމުން ލޯޔަރެއް ބޭނުންވާނެކަމުގެ ލިޔުންތައްޔާރު ކުރުމުން އަޅުގަނޑު އެލިޔުމުގައި ސޮއިކުރީމެވެ. ގެއަށް އަދިވެސް އެއްފަހަރު ގުޅާލެވިދާނެތޯ، އަންހެނުން ގާތުގައި ލޯޔަރުގެ ފީގެވާހަކައާއި ޖަލަށް ގެންނަން ބޭނުންވާ ތަކެތީގެ ވާހަކަ ބުނެލަން ޖެހޭނެއޭ ދެންނެވުމުން ނަވާޒު ވިދާޅުވީ ތިޔަކަން ވެދާނެއެވެ. ރުކުގެ މޯބައިލް ފޯނުނަމްބަރަށް ގުޅާލުމުން ވަރަށް އަވަހަށް ގުޅިއްޖެއެވެ. ރުކު އުފަލުންގޮސް ހަޅޭލަވައިގެންފައި ދޮށީދަރިފުޅަށް ޓޭނަށް ގޮވާއަޑުއިވުނެވެ. ވަރަށް އުފާވިއެވެ. ދެން އިތުރަށް ޖަލުން ނުގުޅޭނެ ކަމާއި ހިތްވަރު ކުރުމަށް ބުނީމެވެ.


މިހިރީ ދޫނިދޫ ޖަލުގައިކަމަށް ބުނީމެވެ. އަދި ޖަލަށް ފޮނުވަން ޖެހޭއެއްޗެހީގެ ލިސްޓެއް ކިޔައިދީފައި ލޯތްބާއި ސަލާމް ބަދަލުކޮށް ހަދާފައި ބޭއްވީއެވެ. ތަހުގީގު ޓީމަށް ވަރަށް ޝުކުރު އަދާކުރީމެވެ. ތިންކޯލް މާލެއަށް ކޮށްދިނީތީއެވެ. ނަވާޒުސޯ ވަރަށް ރަނގަޅެވެ. ވަރަށް އެކުވެރިއެވެ. ނޭއްގާނި ހަރުކަށިކަމެއް ނުދައްކަވައެވެ. މީގެފަހުން އަބަދުވެސް މި އޮފިސަރަކީ އަޅުގަނޑަށް ގަދަރާއި އިހުތިރާމް ކުރާ ގާތްކަން ގެންގުޅުއްވާ އޮފިސަރެކެވެ.


ދެން މިރޭގެބައި މިހާ ހިސާބުން ނިންމާލެއްވީއެވެ. އިތުރުކަމެއް އަދި ސުވާލެއް ވެސް ނުކުރެއެވެ. ދެން ގެންގޮސް، 17 ނަމްބަރު ގޮޅިއަށްލާ ތަޅުލީއެވެ. އަދި މިއަދު، "ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ، ސަރުކާރާ ދެކޮޅަށް ގާނޫނާޚިލާފު އަމަލުތަކެއް ހިންގުމާގުޅިގެން، ސަރުކާރުން އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅު ތަކުގެ" މަޢުލޫމާތު ރައީސުލް ޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ދެއްވިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރިކަން ސާފުވިއެވެ. ~ނުނިމޭ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page