ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (ދެވަނަބައި)
Updated: 4 days ago
*ސަލްޓަންޕާކުގައި ގޮއްވާލި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނޭނގޭ ހިނދު އެނގޭކަމަށް އެއްބަސްވުން:
*ކީސްބިޑިއަށް ބަދަލުކުރުން:
*މާލޭގެ ބައެއް ފާރުތަކުގައި "ފުރީ އިލްޔާސް" ލިޔުން:
*ކުޑަގޮޅީގައި، 45 ދުވަސް ހަމަވުން:
*ދޫނިދޫ ޖަލުތެރެއިން ޖިންނިއެއް ފެނުނުވާހަކަ:
*ޝައިޠާނީ ބާރެއް ވުޖޫދުވުން:
*ރޯމަސްކެއުން:
*ޖަލުންކޯޓަށް ގެންދިއުން:
*އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރަކުން ބޮޑުބަޑިޖަހައި ރަހީނުކުރެވިފައި ތިބި މަޢުޞޫމް ދިވެހިންގެ ބަޔަކު މަރާލި ވާހަކަ:
*ގޯދާވަރީ މަނަވަރުން ރަހީނުންގެ ގަޔަށް ބޮޑުބަޑި ޖެހީ ކާކުގެ އޯޑަރަށްތޯ؟:
*113 ދުވަހަށްފަހު ގިނަބަޔަކު ގެއަށް ބަދަލުވުން:
*ޖަލުގެ ފުރަތަމަ އީދު ދުވަސް:
*އުފަންދުވަސް ކުޑަގޮޅީގައި:
ސަލްޓަންޕާކުގައި ގޮއްވާލި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނޭނގޭ ހިނދު އެނގޭކަމަށް އެއްބަސްވުން:
އިއްސޭ (އިސްމާޢީލް ރަޝީދު ހުސައިން) ގެ ބަޔާންވެސް އަޅުގަނޑަށް މޯރާތައުފީގު ދައްކާހެދިއެވެ. އެހެނަސް އިއްސޭއަކީ މިބުރުގައި ހައްޔަރު ކުރެވުނު ކުއްޖެއް ނޫނެވެ. ޖަވާހިރުވާދީ ރޭޑްކޮށް ހުރިހާ ކޮއްކޮމެން ނެގި ފަހުން އަޅުގަނޑަށް ގެއަށް ދެވިފައިވާތީ އިއްސޭވަނީ އޭރު އެމެރިކާއަށް ފުރައިގެން ގޮސްފައިކަން އެނގެއެވެ. ޖަވާހިރުވާދީއަށް ސިފައިންވަނުމުގެ އެއްދުވަސް ކުރިން އިއްސޭވަނީ ފުރާފައެވެ. އެހެނަސް މޯރާމެން ބުނަމުން ގެންދިޔައީ މިހާރު ވަނީ، އޭނާ ބޭރުގައި ހުއްޓާ އަތުލައިގަނެގެން ގެނެސް ބަންދުގައި ކަމަށެވެ. އަޅުގަނޑަށް އިއްސޭ ގެނެވިފައި ނުވާކަން ޔަގީންވީ ވަރަށް ފަހުންނެވެ.
އޭނާ ގެނެވޭތޯ އާދަންޒާހިރު ލަންކާގައި ހުންނަ އެމެރިކާ އެންބަސީއަށް ވަޑައިގެންނެވި ކަމުގެ ޚަބަރު ފަހުން ލިބުނެވެ. އެހެނަސް އެމްބަސީން ދެންނެވީ، އިސްމާއީލް ރަޝީދު ހުސައިން އަކީ ކުށްވެރިއެއް ނޫންކަމަށެވެ. އޭނާ އަކީ ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގެންނާށާއި ރާއްޖޭގެ ސިޔާސީ އިސްލާހަށް މަސައްކަތް ކުރި މީހެއް ކަމަށެވެ. އޭނާގެ ކުށެއް ހާމަކޮށް ސާބިތުވެ އެނގޭގޮތަށް ތިޔަ މައްސަލަ ގެނެސްދޭށެވެ. އާދެ! އިއްސޭ އަކީ އެމެރިކާއިން ސިޔާސީ ހިމާޔަތް ދިން ފުރަތަމަ ދިވެހިމީހާއެވެ.
ކޮންމެއަކަސް ތަހުގީގު ކުރުމުގައި މޯރާމެން ހެއްދެވިގޮތަކީ، އިއްސޭ ރަށުގައިނެތް މީހާގެ ބޮލުގައި މިކަންއަޅުވާފައި ހަންދު އެއްބަސް ކުރުވުމަށް ފަހު، އަޅުގަނޑުވެސް ގަދަކަމުން އެގޮތަށް އެއްބަސް ކުރުވީއެވެ. ފަހުން އެނގުނު ގޮތުގައި ހަންދުކައިރީގައި ބުނެފައި އޮތީ އިލްޔާސް މިގޮތަށް ހަންދު އެތާގައި އިންދާ، އިއްސޭ އައިސް އިލްޔާސް ކައިރީގައި ބުނިކަމަށް އަޅގަނޑު އެއްބަސްވެފައި ވާކަމަށެވެ. އެހެންވެ ހަންދު ދޮގު ހަދަންއުޅޭނެ ކަމެއްނެތޭ އިލްޔާސްވަނީ މިގޮތަށް އެއްބަސްވެ ސޮއިކޮށް ފައޭ ހަންދުކައިރީގައި ބުނެގެން، އޭނާގެ އެއްބަސްވުން ހޯދައިގެން އައިސް އެއަށް ފަހު އަޅުގަނޑު ނެރެގެން، އަޅުގަނޑުގެ އެއްބަސްވުން ވެސް ހޯދީއެވެ. މިއީ މިފަދަ ނަކަލީ ކުޅިވަރުތަކަށް ވަރަށް ފައްކާ ބައެކެވެ.
މޯރާމެންގެ ރޭވުންހުރިގޮތަކީ މިއެވެ. މޯރާމެންގެ އޮޅުވާލުން މޮޅުކަމުން ހަންދުލައްވާ ފުރަތަމަ އެއްބަސް ކުރުވީ، އަޅުގަނޑު އެއްބަސް ވެއްޖެއޭ ކިޔާފައެވެ. އޭރު އަޅުގަނޑަށް އެއްގޮތަކަށް ވެސް ވާނުވާއެއް ނޭނގެއެވެ. ސަންޓަންޕާކްގެ މިކަޓޫރަބޮން ގޮއްވާލިފަހުން އަޅުގަނޑަށް ގެއަށްދެވުނީ، އިލްޔާސް ސަޓޯގެ ކެސެޓްރޯލް މައްސަލައިގެ ބަންދުން ދޫކޮށް މަންތިރި މައްސަލައިގައި ޖަލަށްލުމާ ދޭތެރޭގައެވެ. މަދު ދުވަސްކޮޅަކަށެވެ. އޭރު އޮތީ ސަލްޓަންޕާކްގައި ކަޓޫރަބޮން ގޮއްވާލާފައެވެ. އޭރު އިއްސޭ މާލޭގައި ހުންނާނެއެވެ. އެހެނަސް މޯރާއެބުނާ ދުވަސް ވަރެއްގައި އިއްސޭ އެވާހަކަ ބުނެފައެއް ނޯންނާނެއެވެ. އެއީ މުޅިން ދޮގެކެވެ. ތަހްގީގުން އީޖާދުކޮށް އުފައްދާލި ހީލަތުގެ ކުޅިއެކެވެ.
މިދެބަންދުގެ ދޭތެރޭގައި ޖަވާހިރުވާދީ ތެރެއިން އަޅުގަނޑާ އިއްސޭއާ ދިމާވެ މިފަދަވާހަކައެއް އެއްވެސް ހާލެއްގައި ދައްކާފައެއް ނޯންނާނެއެވެ. މި އެއްބަސް ވުމަށްޓަކައި ކަނޑައެޅިގެން ގަސްދުގައި އަޅުގަނޑު ހެދީ ސާފުދޮގެކެވެ. އެހެނަސް މޯރާމެންނަށް މިގޮތްކަމު ހިނގައްޖެއެވެ. އަޅުގަނޑުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ބަޔަކު ހިންގިކަން ނާންގައި ސިއްރު ކުރިކަމުގެ ހުކުމެއް އިއްވޭނެކަމުގެ ޔަގީންކަން ލިބުމުން ތަހުގީގު އެ ހިސާބުން ނިންމާ ލެއްވީއެވެ. ފަހުން ސާފުވި ގޮތުގައި އަލަށް ފާސްކުރި ޓެރަރިޒަމް ގާނޫނުގައި އޮންނަގޮތުން އެފަދަ އަމަލެއް ނާންގައި ސިއްރުކޮށްގެން ހުރެއްޖެނަމަ، 3 އަހަރާއި 6 އަހަރައި ދެމެދު ޖަލުހުކުމް އަންނާނެއެވެ!
ޑޮކްޓަރ ވަހީދުގެ ބަޔަކާ ދެނެއް އޭގެފަހުން ނޫޅެއެވެ. އެސުވާލުތައް ކުރުން ހުއްޓުނީއެވެ. ކިހާރަނގަޅު ނޫންތޯއެވެ! މިގޮތަށް އެއްބަސްވި ފަހުންވެސް ވަރަށްގިނަ ވާހަކަތައް ތަހުގީގު މޭޒުދޮށުގައި ދެކެވުނެވެ. އަތުގައި އަޅުވާފައި މިއޮތް އެއްހުޅިބިޑީގެ އަނިޔާތަކުގެ ވާހަކަ ނެރޭ ކޮންމެ ދުވަހަކުހެން ތަކުރާރުކޮށް ދެއްކީމެވެ.
ދެއަތްދުޅަވެ ކޮނޑުހުޅަށް ތަދުވާކަމަށް ވެސްބުނަމުން ގެންދަމެވެ. މިހާރު އަޅުގަނޑު ދައްކާ ހުރިހާ ވާހަކަތަކެއް ވެސް ބަރާބަރަށް އެބޭފުޅުން އަޑު އައްސަވައެވެ. ތަހުގީގު ބޭފުޅުން ތިއްބަވަނީ ހިނިއައިސްފައެވެ. ހެވިފައެވެ. ވަރަށް މަޖާވެފައެވެ. ކުރިން ހުރި ސީރިއަސްކަން ނެތިއްޖެއެވެ. އަޅުގަނޑުގެ މައްޗަށް ޖަލުގެ ބޮޑުހުކުމެއް އިއްވާލެވޭގޮތް ވީމައެވެ.
އާދެ! ހަގީގަތުގައި ވެސް އެއްހުޅުބިޑިއަކީ ވަރަށް އަނިޔާބޮޑު ބިޑިއެކެވެ. މިބިޑިން އަޅުގަނޑަށް ވަރަށް އަނިޔާ ލިބުނެވެ. މުޅި އުމުރަށްވެސް އެ އަނިޔާތަކުގެ އަސަރު ހުންނާނެކަން ޔަގީނެވެ. ފަހުން އެނގުނުގޮތުގައި މިރޭ އަޅުގަނޑު އެއްބަސްވުމުން، 30 ވަނަދުވަހު ހަންދު އަނދަގޮނޑިން ނަގައި ހަމައެކަނި ބިޑިއަށް ބަދަލުކޮށް ފިއެވެ.
އިތުރަށް މިރޭގެ ތަހުގީގުގައި އަޅުގަނޑު ދެންނެވީމެވެ! މި ބިޑިއަކީ އިންސާނުން އެއްގޮތަކަށް ވެސް އަޅުވާޒާތުގެ ބިޑިއެއް ނޫނެވެ. މިއީ ޖާހިލިއްޔަ ޒަމާނުގެ ޖާހިލީ އެއްޗެކެވެ. މިހެން ދެންނެވީމާ ވ.ޅަހުއްތު ބުނުއްވީ، ތިޔައީ ތިނެއް ނޮވެންބަރުގައި އިންޑިޔާސިފައިން ބާޣީންގެ އަތުގައި އެޅުވިބިޑިތަކުން ބިޑިއެކެވެ. ފަހަރުގައި އިންޑިއާ ސިފައިން އަތުން ލިބިފައި އޮތް ޒަމާންވީ އެއްޗަކަށް ވެދާނެއެވެ. ދެން އަޅުގަނޑު ދަންނަވައިފީމެވެ! މިރޭ މި އެއްބަސް ވެވުނީއެވެ.
މިމައްސަލައިގެ ތެރެއަށް އަޅުގަނޑަށް ވެސް މި ވަދެވެވުނީއެވެ. ޖަލުގެދިގު ހުކުމެއް އަންނާނެކަން ޔަގީންވީއެވެ. މިހެން ދެންނެވީމާ، ތަހުގީގުގައި ތިއްބެވި އެންމެންވެސް ވަރަށް ހިނިތުން ވެއްޖެއެވެ. އެކަމާ އިތުރު ބަހެއް ވިދާޅެއްނުވެއެވެ. އަޅުގަނޑަށް އެރޭގެ އެދަންވަރުގައި ކޮފީބޯންދޭން ވަރަށް މަސައްކަތް ކުރެއްވިއެވެ.
އެހެނަސް ކޮފީބޯން އަޅުގަނޑު ބޭނުމެއްނުވިއެވެ. އެއްބަސް ނުވީމެވެ. ދެން ގެންގޮސްލީ ހަމަ ކުރިން ހުރި ގޮޅިއަށެވެ. އެއްހުޅުބިޑި އޮތްގޮތަށް އަތުގައި އަޅުވާފައި އޮތެވެ. އެހެނަސް އަނދަގޮނޑީގެ އަޒާބުން ހައެއްކަ ގަޑިއިރު ތެރޭގައި މިންޖުވީއެވެ. ﷲ އަށް ޙަމްދުހުއްޓެވެ! ގޮޅިއަށް ގޮސް އޮވެގެން ވަރަށްގިނަ އިހްސާސްތައް ކުރެވުނެވެ.
ގޮޅީގައި އިރުކޮޅެއް ނުވެއުޅެނިކޮށް ފަތިސްނަމާދު ވަގުތުޖެހިއްޖެއެވެ. ދެން ނަމާދުކޮށްގެން، ﷲ އަށް ވަރަށްގިނަ ދުޢާ ދަންނަވައި ކެތްތެރިކަން ދެއްވުން އެދި ދެންނެވީމެވެ. ދިގުމުއްދަތަކަށް ޖަލުގައި ހުންނައިރު، ﷲ ގެހިޔާވަހި ކަމުގައި ހުރިހާއިރެއްގައި ބެހެއްޓެވުމަށާއި ކެތްތެރިކަމުގައި ހަމަބުއްދީގައި އަބަދުވެސް ބެހެއްޓެވުމަށް ދެންނެވީމެވެ! މި ހިސާބުން މީންދުވަހަކު ގެއަށް ނުގެންދާނެކަމަށް މުޅިން ނިންމައިފީމެވެ. ޖަލުގައި ހައެއްކަ އަހަރުވަރު އޮންނަންޖެހޭނެ ކަމަށް ތައްޔާރުވާން ފަށައި ގެންފީމެވެ. ރާއްޖޭގެ ފުރަތަމަ ޓެރަރިސްޓުންނަށް ހަދާއި ނިންމާލީއެވެ.
30 ޑިސެންބަރ 1990 ވީއާދީއްތަ ދުވަސް، މިބުރުގައި ޖަލުގައި ހުންނަތާ، 8 ވަނަދުވަހެވެ. މިއީ ހިތްހަމަޖެހުމެއް ލިބުނުދުވަހެކެވެ. މެންދުރެއްހާ އިރު ގޮޅިންނެރުނެވެ. ސުލައިމާނު ސަރުދާރު ދުރުވެ ގޮޅިހުޅުވާއި ބިޑިނައްޓާލުމަށް ފަހު ބުނުއްވީ، ފެންވަރާސާފުވެ ވުޟޫއުކޮށް ނަމާދުކޮށް ހަމަޖެހިލާ ހަދާށެވެ. ބިޑިދެން އެޅުވޭނީ ބައިގަޑިއިރު ފަހުންކަމުގައި އެންގިއެވެ. ދެން ފެންވެރުމަށްޓަކައި އަޅުގަނޑު ގެންގޮސް ވެއްދީ، ވަގުތީގޮތުން ހަދާފައި ހުރި ގިފިއްޔަށެވެ.
ދަތްއުނގުޅާއި ފެންވަރަމުން ދިޔައިރު، އަޅުގަނޑަށް އިހްސާސް ކުރެވެމުން ދިޔަ އެއްޗަކީ މިފުރުސަތު މިދިނީ، އިއްޔެ އަޅުގަނޑު ތަހުގީގުގައި ދެއްކި ވާހަކަތަކުގެ އަސަރުކޮށް ގެންނާއި ތަހުގީގުން އެންމެބޮޑަށް ބޭނުންވިކަންތަކާ އެއްބަސްވުމާ ގުޅިގެންނެވެ. ކޮންމެއަކަސް މިފުރުސަތުގައި ވަރަށްގިނައިރު ވަންދެންގަޔަށް ފެންއަޅާއި ދެތިން ހަތަރު ފަހަރު މުޅިގައިގާ ސައިބޯނިލައިގެން ރަނގަޅަށް ފެންވަރާލައި ފީމެވެ. ފެންވެރުމަށް ސުލައިމާނު ދިނީ، ބައިބަޔަށް ބުރިކޮށްފައި އޮތް، ހަތަރެސްކަންހަމަވާ ކުޑަކުޑަ ސައިބޯނީގެ ދޭތިކޮޅެކެވެ. އެ ސައިބޯނިކޮޅު، ފެންވަރާ ނިމިގެން މުންޑުދޮވެލަން މުންޑުގައި ކާއްތާލުމުން އެކުގައި ހުސްވެއްޖެއެވެ.
ފެންވަރާ ނިމުމާއެކު ގެންގޮސް ގޮޅިއަށްލާ ބަންދުކޮށް ފިއެވެ. 30 މިނެޓް ހަމަވިތަނާހެން ސުލައިމާނު ދުރުވެ ހަމަ އެ ބިޑި ސާފުކޮށް ހެދުމަށް ފަހު އަޅުގަނޑުގެ ދެއަތްއެއްކޮށް ބިޑީގެ ތެރެއަށް ލުމަށް ފަހު ތަޅުއަޅުވައި ފިއެވެ. މީހާރު އެބިޑިއަށް ހޭނިފައި ހުރުމުންނާއި ތަންކޮޅެއް ހިކިފައި ހުރުމުން ފުރަތަމަ ފަހަރު އެޅުވިއިރު ވީހާތަދެއް ނުވެއެވެ. ހަންގަޑު ފިތޭގޮތެއް ވެސް ނުވެއެވެ. ބިޑިއޮތީ ތިޔޮ ޖަހާހަދައި ވަރަށް ސާފުކޮށެވެ. މުޅިން އާކޮށްލާފައެވެ.
އެހެނަސް އޮތީ ދުވަސްވީ ދަމިލައިގެ ކަޅުކުލައިގަ އެވެ. ބިޑިއަށްބަދަލު ވުމުގެކުރިން ސުންނަތް ނަމާދު ތަކެއްކޮށް، ﷲ އަށް ދުޢާދަންނަވައި ހަމަޖެހިލައިގެން އިނދެ، އިރުކޮޅަކު ގުރުއާން ކިޔަވާލެވުނެވެ. އެއީ ސުލައިމާނު ދެއްވި ވަގުތުކޮޅެކެވެ. މިއީ ވަރަށް ހިތްހަމަޖެހުނު ހިނދުކޮޅެކެވެ. ﷲ އަށް ފަށްފަށުން ޝުކުރުވެރި ވީމެވެ. ދެން އާދައިގެ މަތިން ގޮޅީގައި އިނީއެވެ.
31 ޑިސެންބަރ 1990 ވީހޯމަދުވަސް ޖަލުގައި ހުންނަތާ، 9 ދުވަސްވީއެވެ. ހަވީރުގެ ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. މައިގަނޑު ބޮޑެތި ހުރިހާކަމަކަށް އެއްބަސް ވެވިފައި ވާތީ، ތަންކޮޅެއް ހަމައިގާތިބެގެން ވާހަކަތައް ދެކެވުނެވެ. އިއްޔެގޮޅިންނެރެ ފެންވަރުވާ ހެދިކަމާއި މިވާހަކަތައް ތަހުގީގަށް ކިޔައި ދިނީމެވެ. މިއަދު އަބްދުއްޝަކޫރު ހިތްހަމަޖެހިފައި އިންނެވިވަރުން، ދުނިޔޭގެ ސިޔާސީ މަސްރަހުން ބައެއް ވާހަކަތައް ދައްކާލައްވާއި އަޅުގަނޑާ ހިއްސާކޮށް ލެއްވިއެވެ. އެއީ ގަލްފު ހަނގުރާމައިގެ ވާހަކަތަކެވެ.
އިރުގަނޑަކު އަނގަތަޅާލުމަށް ފަހު، އެތާގައި ހުރި، ސުލައިމާނު ސަރުދާރުގެ އެހީތެރިއަކަށް އުޅުއްވާ، ފިރާގުކިޔާ ތަންކޮޅެއް ކަޅުވަރުގެ ބޭފުޅަކަށް ޝަކޫރު ގޮވާލައްވައި އިލްޔާސް އަތުގައި މި އޮތް ބިޑި ބަދަލުކުރާށޭ ވިދާޅުވެއްޖެއެވެ. މިދަންނަވާ ފިރާގަކީ އޭރު ލާންސްކޯޕްރަލެކެވެ. ޝަކޫރު އެހެން ވިދާޅު ވުމާއެކު، ފިރާގުވަރަށް އަވަހަށް އަޅުގަނޑު އަތުގައި އަޅުވާފައި އޮތް އެއްހުޅުބިޑި އެހެން ބިޑިއަކަށް ބަދަލުކޮށްފިއެވެ. ދެންވެސްއެޅުވީ، އެއްހުޅުލީ އާރޯތާނަ ބިޑިއެކެވެ. މިބިޑިއަށް ކިޔަނީ ކީސްބިޑިއެވެ!
ކީސްބިޑިއަށް ބަދަލުކުރުން:
މިއީ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ހަދާފައިވާ އޮރިޖިނަލް ބިޑިއެކެވެ. ފުރަތަމަ ފަހަރަށް ޕްލާސްޓިކް ކޮތަޅުން ކަނޑާލީ ވެސް އަޅުގަނޑުގެ ކުރިމަތީގައެވެ. އަޅުގަނޑުގެ އަތުގައި އަޅުވާށެވެ. މިބިޑި ހަދާފައި އޮތީ ބޭނުންވާ ވަރަކަށް އެޖެސްޓް ކުރެވޭ ގޮތަށެވެ. އުފެއްދި ކުންފުންޏެއްކަމަށް ބިޑީގައި ލިޔެފައިއޮތީ، ހިއަޓް (HIATT) މިހެންނެވެ. މިއީ އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުންޏެކެވެ.
މިބިޑިއޮތީ ދެބޮޅުގެމެދަށް ދަނގަޑުބައެއް ލާފައި އެދެބައި ގުޅުވަން ހުޅުލާފައެވެ. ދެއަތްދެއަތަށް ރީތިކޮށް ތެޅުވޭ ގޮތަށެވެ. ބޭނުންވާ ގޮތަކަށް ދެއަތް އަނބުރާލެވޭ ގޮތަށެވެ. ދެބޮޅުވަކިން ހުޅުވާލެވޭ ގޮތަށެވެ. ތަޅުލާފައި ބައިންދަނީ އަތުން އަމިއްލައަށް އަތްދަމައިނުގަނެވޭ ވަރަށް ބާރުކޮށެވެ. ކީސްބިޑީގައި ވާގޮތަކީ ރުޅިއައިސް ބިޑިއާ ކުޅެ ގޮތްގޮތަށް ތަޅުވާއި ތަންތާގައި ތަޅާހެދީމައި ދަތްތަކެއްލާފައި ހުންނާތީ އެތެރެއަށް ވަދެ ބާރުވަމުން ދަނީއެވެ. ކީސްބިޑިއޭ ކިޔަނީ ފޮޓޯގައި އެ ފެންނަގޮތަށް ކީހުގައި ހުންނަގޮތަށް ދަތްތަކެއްހެން ފުއްކަނޑާފައި ބާރުވާގޮތަށް ހަދާފައި އޮންނާތީއެވެ.

ކޮންމެ ބޮޅެއް ވެސް އަތްވެއްދުމަށް ފަހު، ދެއަތްވަކިން އެޖެސްޓް ކުރެވޭގޮތަށެވެ. އަތްލައްވާބައި އަތުގެފަލަމިނަށް ބޭންދޭގޮތަށެވެ. އެކިވަރުގެ އަތަށް އެޖެސްޓް ކުރެވޭ ގޮތަށެވެ. ބިޑިއަޅުވާއިރު އަޅުވާމީހާ ބައިންދާ ވަރަށްވުރެ ބޮޑެއް ނުކުރެވެއެވެ. އިތުރަށް ބިޑިއާކުޅެ ފިއްތާއި ކުޅެ ހަދައިފިއްޔާ ހައްތާވެސް އެތެރެއަށް ވަދެ އިތުރަށް އަތްފިތޭލެއް ބޮޑުވެއެވެ. އެހެންވެ އެޅުވުމަށް ފަހު މިބިޑިއާ މާބޮޑަށް ކުޅެހަދައި ފިއްޔާ ލަނޑު ލިބޭނެއެވެ. ދެބޮޅަށްވެސް ވައްދާއި ހުޅުވާބައިގައި ހުންނަނީ، ކީހެއްހެން ފުށްކަނޑާފައެވެ. ބިޑިން ތަނެއްގައި ތަޅާ އެއާ ކުޅެ، ފިއްތާ ހަދައިފިއްޔާ އެތެރެއަށް ވަދެ ބާރުވާ ގޮތަށެވެ.
ފަހަރަކުފިތެއް އެތެރެއަށް ވަންނަމުން ގޮސް ފިތި ބާރުވަމުން ދާގޮތަށެވެ. މި ބިޑިއަށް ޖަލުތެރޭގައި ކިޔާ އުޅެނީ، ކީސްބިޑިއެވެ. ނުބައިގޮތްގޮތަށް އެބިޑިއާކުޅެ އުޅޭމީހުންގެއަތް މިބިޑިން ކަނޑައިގެން ގޮސްފައި އެބަހުއްޓެވެ. މިބިޑިއަކީ އެއާނުކުޅެ އެޅުވި މިންގަނޑެއްގައި ރީތިކޮށް ބާއްވަންޖެހޭ ބިޑިއެކެވެ. މިބިޑިން ރީތިކޮށް ސީދޮވެ، ވުޟޫއުކޮށް ބައެއް އިތުރު ހަރަކާތްތައް ފަސޭހައިން ކޮށްހެދެއެވެ. އެއްވެސް އިތުރު އުނދަގުލެއް ނުވަތަ ސިއްހީގެއްލުމެއް ޖިސްމާނީ އަނިޔާއެއް މިބިޑިން އޭގެޒާތުގައި ނުފޯރައެވެ.
ދެއަތްދުޅަވެ ކޮނޑުހުޅަށް އަރާތަދު އެއްގޮތަކަށްވެސް ނާރައެވެ. އެއްވެސް ކަހަލަ އިތުރު އަނިޔާއެއް ބޭރުފުށަށާއި އެތެރެފުށަށް ނުލިބެއެވެ. އެހެނަސް ކުރީގެ ޑުޕްލިކޭޓު އެއްހުޅުބިޑިން ލިބެމުންދިޔަ ހުރިހާ އުނދަގޫތަކެއް، އަދި އެހެނިހެން ހުރަސްތަކެއް މިބިޑިންވެސް ވެއެވެ. އަލަށްއެޅުވި މި ބިޑީގައި ދެދުވަހެއް ވުމުން އޮރިޖިނަލްބިޑިއާއި ޑުޕްލިކޭޓު، ޖާހިލީޒަމާނުގެ ނަކަލީ ބިޑިއާ ހުރި ފަރަގު ވަރަށް ރީއްޗަށް އިހްސާސްކޮށް ތަޖުރިބާ ކުރެވިއްޖެއެވެ. އަލަށް މިއެޅުވި، ދެއަތްދެމެދުގައި ހުޅުލީ ކީސްބިޑީގައި ލިޔެފައި އިން ނަންބަރަކީ، 040253 މިއެވެ.

މިފަދަ މައުލޫމާތުތައް މޮހޮރުން އެކިކަހަލަ އެއްޗެހީގައި ލިޔެފައި ބަހައްޓަނީއެވެ. އޭގެ ތެރޭގައި ސައިބޯނި ކަރުދާސް ގަހުގެ ފަތް ހިމެނެއެވެ. ސައިބޯނި ކަރުދާސް ގިނައިން ލިބެނީ ގިފިލި ތެރެއިންނެވެ. މިވާހަކަތައެް މިހާ ތަފްސީލުކޮށް ހަނދާން ހުރީ އެހެންވެގެންނެވެ.
މުހަންމަދު ޚަލީލް މައްކޮ އާއި ލަކްސްލީން މަސްޢޫދު އިމާދު އާއި އަލީވަހީދު ހަސަން އާއި ނައުޝާދުވަހީދު އާއި މިބޭފުޅުން ތަހުގީގަށް ގެންދަނިކޮށް އަޅުގަނޑާ، މިއަދު ދިމާވިއެވެ. ވާހަކަ ދެކެވޭގޮތެއް ނުވިއެވެ. އިޝާރާތްކޮށް ލެވުނެވެ. އޭގެތަންކޮޅެއް ފަހުން ހަންދުވެސް ނެރެގެން އުޅެނިކޮށް މިއަދު ދުށީމެވެ. ހަންދު ހުރީ އެއްހުޅުބިޑި އަޅުވާފައެވެ. އެހެން ކޮއްކޮއަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެމީހުންނަށް ހަދާނުހަދާއެއް ނޭނގެއެވެ.
އާދެ! މާދަމާއަކީ، 1991 ވަނައަހަރުފެށޭ މުލައަހަރު ދުވަހެވެ. އަންގާރަ ދުވަހެވެ. ޖަލުތެރެއިން ރަސްމީބަންދު ދުވަހެއްކަން ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބަލާލުމުން އެނގެއެވެ. ދޫނިދޫއެއްކޮށް އޮތީ ހަމަހިމޭންކޮށް ހުއްޓިފައެވެ. ދިމާއަކަށް ހިނގާލާ މީހަކުވެސް ނުފެނެއެވެ. އާއަހަރަކަށް ހިތުގެއަޑިން ވަރަށް މަރުހަބާ ކިޔާއި ތަހުނިޔާކިޔުން އަމިއްލައަށް ހިތާހިތާ ބޭއްވީމެވެ. އެކަނިވެރި ހާލަތުގައި މިއީ ކުރަންޖެހޭނެ ކަމެކެވެ. ލިބޭ ހިތްހަމަޖެހުމެކެވެ.
އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ދޫނިދޫއޮތީ މުޅިންހަމަހިމޭން ވެފައެވެ. އެކުގައި ހުއްޓިފައެވެ. ކުކުޅުހާލާއި ބަކަރިފިޔަވާ އެހެން އެއްޗެއްގެ އަޑެއްބަޑެއް ނީވެއެވެ. މިހާތަނަށް އައިއިރުވެސް ފެންވެރެނީ، ކޮންމެ ހުކުރު ދުވަހަކު އެކަންޏެވެ. އަދި ކޮންމެ ހުކުރު ދުވަހަކު މެންދުރު ކެއުމާއެކު ކޮންމެވެސް ފޮނި ކާއެއްޗެއް ދެއެވެ. ގިނައިން ހުންނަނީ، ބޮނޑިބަތް ކޮޅެކެވެ. މަދު ހުކުރެއްގައި ކަސްޓަޑް ވެސް ހުރެއެވެ. ކުޑަގޮޅީގެ އާދަތަކުގެ މަތިން ދުވަސްތައް ހޭދަވަމުން، ދުވަސް ގުނަގުނަން ގޮޅީގައި އޮތީއެވެ. މިފަހަރުވެސް ދުވަސް ގުނާ ހެދި ވަކަފައްޗަކުންނެވެ.
5 ޖެނުއަރީ 1991 ވީހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ގޮޅިންނެރުނެވެ. ތަހުގީގުގައި ތިއްބެވީ، މޯރާތައުފީގާއި ވ.ޅަހުއްތުއެވެ. ވަރަށް ހަރުކަށިކޮށް ވާހަކަތައް އެކިގޮތްގޮތަށް ފުރޮޅަމުން ކުރިޔަށް ގެންދެވިއެވެ. މިއީ މިތަހުގީގުގެ ނިންމާލުންކަން، އަޅުގަނޑަށް ފަހުން އެނގުނެވެ. ގިނައިން ތަކުރާރުކުރެއްވީ ކުރިންވެސް ތަހުގީގުތެރޭގައި ދެކެވިފައި ހުރި ވާހަކަތަކެވެ.
ޖަވާހިރުވާދީ ތެރޭގައި ރައީސް މައުމޫނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް ދެކެވުނު ވާހަކަތަކާއި މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކާރުކޮޅުގައި ވަޑައި ގަންނަވަނިކޮށް ބާރުގަދަ ރަބަރުލީ ސާޅަނގައިގާ ފަސްއޮށްލާފައި އެބޭފުޅުންގެ ކާރުކޮޅާދިމާއަށް ފޮނުވާލުމަށް ވެސް ވާހަކަދެއްކިކަން ތަހުގީގަށް ސާބިތުވެފައި ވާކަމަށް، ވ.ޅަހުއްތާއި މޯރާތައުފީގު އަޅުގަނޑާ ދިމާއަށް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ބައެއް މުހިންމު އިމާރާތްތަކަށް ކަނޑުބޯޓު ފަހަރުގައި ހާދިސާއެއް ދިމާވުމުން ސިގްނަލްކުރުމަށް ބޭނުބްކުރާ ފްލާޔަރ Coastal Alerter Flare ރޯވާގޮތަށް ފޮނުވުމަށް ވެސް ވާހަކަދައްކާފައި ވާކަމަށް ވިދާޅުވިއެވެ. މިބާވަތުގެ ފްލާޔަރއެއް ރައީސް މައުމޫނު އުޅުއްވާ ރިޔާސީ ގަނޑުވަރު މުލިއާގެއަށް ފޮނުވުމަށް ވެސް ނިންމާފައި ވާކަމަށް ވިދާޅުވިއެވެ. ބޯޓުދަތުރު ކުރާ ކެޕްޓަނުން ވެސް މީގެތެރޭގައި ވާކަމަށް ބުނެދިނެވެ. ފަހުން އެނގުނުގޮތުގައި މިބުނީ، ވިޔާރި އާގުބޯޓެއްގެ އޮފިސަރު، އަބްދުﷲ މުއާޒު އަހްމަދު ގެ ވާހަކައެވެ.
އަދި އެރޭގެ ފަހު ވަގުތެއްގައި އަބްދުއްޝަކޫރާއި މުހަންމަދު އިބްރާހީމާއި މުޅިޓީމުއެކުގައި ތިއްބަވައިގެން އަލުގަނޑު ދެރަކޮށްލާއި ހާރުވާލާބީދައިން ވަރަށްބޮޑަށް ދިމާކޮށް ޖަވާހިރުވާދީ އާއިލާއަށް ނިސްބަތްކޮށް ހަޑިހުތުރުވާހަކަތައް ސީދާކޮށާއި ނުސީދާކޮށް އަޅުގނޑާ ދިމާއަށް ގޮވާ ހެއްދެވިއެވެ. ލަދުގަންނަވާލައި ދެރެކޮށްލުމުގެ ބޭނުމުގައެވެ. މިކަން ކުރެއްވީ ބޮޑަށް ވާވުޅަހުއްތެވެ. މިއަމަލުން އަގުވެއްޓިދާނީ އެމީހުންނެވެ. މިފަދަ އަޑިތައް އެބޭފުޅުންގެ އާއިލާތަކަށް އިވުމުން ދަރަވާނީ އެމީހުންގެ އާއިލާތަކެވެ. މިފަދަ ކަންކަން މަގާމުގެ ކުރިއެރުން ހޯދުމުގެ ދަހިވެތިކަމުގައި ނުކުރަން ޖެހެނީ އެހެންވާތީއެވެ.
ފަހެ، މިއީ އެބޭފުޅުންގެ ލަދުހަޔާތްކުޑަކަމެވެ. ތަހުގީގުގެ ފެންވަރުދަށްކަމެވެ. އަޅުގަނޑު ކެތްކޮށްލައިގެން ބަހެއްނުބުނެ މަޑުންއިނީމާ ވާހަކަތައް މާބާރަށް ކުރިޔަށް ދާގޮތެއް ނުވިއެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕަގެ އަބުރާބެހުނެވެ. އައިލާގެ ކަރާމަތާއި އިއްޒަތާބެހުނެވެ. ބޮޑުއިސްޓޯރުގެ ކޭޝިޔަރަކަށް ލޮބުވެތި ބައްޕައުޅުއްވި އިރު، ސަރުކާރުގެ ފައިސާއިން ކުދިންބޮޑުކުރި ކަމަށްގޮވާ ހެއްދެވިއެވެ. މިއީ ވަރަށްދަށުދަރަޖައިގެ ދެރަވަރަށް ވެއްޓުމެވެ. “ޖެނެރަލް އިލްޔާސް” އޭ ކިޔައިގެން ތިޔައުޅެނީ، ޑިފެންސް މިނިސްޓަރުކަން ލިބޭނެކަމަށް ހީކޮށް ކަމަށްހޭ ވެސް ގޮވާ ހެއްދެވިއެވެ. އަދި އަޅުގަނޑުގެ ފޮޓޯ ރަށުތެރެއަށް ނެރެ ބޭޒާރުކޮށް ގަންހިންގާނަމޭ ވެސް ގޮވައި ހެއްދެވިއެވެ. އަޅުގަނޑު ހަމަކެތްކޮށް ލައިގެން ހަމަހިމޭނުގައި މަޑުން އިނީއެވެ.
އަޅުގަނޑަށް އިހްސާސް ކުރެވެމުންދިޔައީ މިއީ ތަހުގީގުގެ އެންމެފަހު ވަގުތުކޮޅު ކަމަށެވެ. އެންމެ މަތީ ގިޔަރުގައި ހުރިވަރެއް އަރުވާލަނީ ކަމަށެވެ. ފެނިގެންދަނީ ކަމަށެވެ! މުޅިތަހުގީގުން ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އަޅުގަނޑާ ދިމާއަށް ރުޅިގަނޑު ބާލާލަނީ ކަމަށެވެ. ހަގީގަތުގައި ހަމަވީވެސް އެހެންނެވެ.
އިރުއެރުމުގެ ކުރިން ގެންގޮސް ގޮޅިއަށް ލުމުން މިރޭގެ ހުރިހާ ވާހަކަތަކަށް ވިސްނާލުމުން އަޅުގަނޑަށް ދޭހަވީ އެއްޗަކީ، ތަހުގީގު މިހާ ހިސާބުން ނިމުމަކަށް އައިސްފިކަން ޔަގީން ވުމެވެ. ދެންހަމަ އިތުރުއެއްޗެއް އަޅުގަނޑުގެ ސިކުނޑިން ނުލިބޭނެކަން ކަށަވަރުވުމުން ހުރިހާކަމެއް ނިމުމަކަށް ގެނެސް ނިންމާލަނީ ކަމަށެވެ. ބިޑިއާއެކު ގެންގޮސް ގޮޅިއަށްލީ ފަތިހުހަތަރެއް ޖަހަނިކޮށެވެ. އަނެއްކާވެސް ގޮޅީގެއާދަ ތަކާއެކު ދުވަސް ގުނިމުގައި ދެމިހުރީއެވެ.
8 ޖެނުއަރީ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަދުވަހެވެ. މިއަދު މެންދުރުފަހު ނެރެގެން ގެންގޮސް، މޯރާތައުފީގު ވަކިން ބައްދަލު ކުރީ ވަކިމޭޒެއްގައެވެ. ކުރިމަތީގައި ބައިންދާފައި ބުނުއްވީ މިގެނައީ އިލްޔާސާވަކިން ވާހަކަދައްކާލާއި ކުރިންލިޔެފައިހުރި ރަފްބަޔާން ތަކުގައި ސޮއިކޮށް ލުވާށެވެ. މޯރާތައުފީގު ބުނުއްވިގޮތުގައި އެބަޔާންލިޔުނީ އޭނާއެވެ. އިލްޔާސް، ސަޓޯގެ މަޝްހޫރު ކެސެޓްރޯލާ ބެހޭގޮތުން، ތަހުގީގަށްދޮގު މައުލޫމާތު ދިން މައްސަލަ، އަދި ފަހަށް ބޭއްވީއެވެ. މިބަޔާނަކީ ހަމައެކަނި ކެސެޓްރޯލް އަޑުއަހާއި މީހުންނަށް ބެހުމުގެ ކަންތަކާބެހޭ ރަފްބަޔާނެވެ.
ތަހުގީގަށް އޮޅުވާލާއި ދޮގުމައުލޫމާތު ދިން މައްސަލައިގެ ބަޔާންނެގުން އަދި ފަހުން އޮންނާނެކަމަށް މޯރާތައުފީގު ބުނުއްވައިފިއެވެ. ދެން މިއަދަށް ނިންމާލެއްވީ، ރަފްކޮށްލިޔުނު އެބަޔާނުގައި އަޅުގަނޑުލައްވައި ސޮއިކުރުވާފައެވެ. މިއީ ރަފްބަޔާނެއްކަމަށް ބުނުއްވުމަށްފަހު، މިއަދަށް ނިންމާލައްވައި އަޅުގަނޑު ގޮޅިއަށް ފޮނުވާލެއްވީއެވެ. ތަހުގީގުނިމުމުން ބަޔާންތައް ލިޔެ އެއްގޮތްކުރުމުގެ މަރްހަލާއަށް ދިޔައީކަމަށް ގަބޫލުކުރެވުނެވެ.
ދެން ގޮޅީގެއާދަތައް ދެމެހެއްޓުމުގައި ދެމިހުރީއެވެ. 21 ނަންބަރު ގޮޅިއަށްވާތީ ވަރަށްއަޒާބު ބޮޑެވެ. މެންދުރުދަޅައިގާ ނަރަކަ ހަނދާން ވެއެވެ. އެހެނަސް ހިތްވަރު ކޮށްފައި ކެތްކުރަނީއެވެ. ދެންނެރޭ ފަހަރަކު ގޮޅި ބަދަލުކޮށް ދޭތޯ އެދޭނަމޭ ހިތުގައިލައިގެން މަޑުން ހުރީއެވެ. އެއްވެސް އުނދަގުލެއް ނުކުރަމެވެ. ބައެއްމީހުން ހަދާހެން، ހަޅޭލަވާއި އަޑުގަދަކޮށް ނުހަދަމެވެ. ބެލީ މަޑުމައިތިރި އަކްލާގާއި ސުލޫކު ދެއްކޭތޯއެވެ. ގޮޅީގައި މަޑުމަޑުން އަޅުކަމުގައި ރީތިކޮށް އިންނަނީއެވެ.
10 ޖެނުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 19 ވަނަދުވަހެވެ. ހަވީރުގޮޅިން ނެރުނެވެ. ބައްދަލުކުރީ މޯރާތައުފީގެވެ. ވަކިމޭޒެއްގައެވެ. ކުރީދުވަހު ސޮއިކުރުވި ރަފްބަޔާނަށް ދެތަންކޮޅެއް އިތުރުކޮށްލަން ޖެހޭވާހަކަ މޯރާތައުފީގު ވިދާޅުވެއްޖެއެވެ. އަޅުގަނޑު ބޭންދީއޭނާގެ ކުރިމަތީގައި މޭޒުގެއަނެއް ފަރާތުގައެވެ. އެއްތަންކޮޅަކީ، އިސްލާމީ މަރްކަޒުގައި މައްކޮ އާއި ހަންދު ވާހަކަ ދައްކަން ތިއްބާ އަލްފާޟިލް އައްބާސް އިބްރާހީމް، މ.އެންދެރިމާގެ މާލެ، އެތަނަށް ވެންނެވިވާހަކަ އަޅުގަނޑުގާތުގައި މައްކޮބުނެފައި ވާކަމެވެ.
އަނެއްތަންކޮޅަކީ، ލަކްސްލީން މަސްއޫދު ކައިރީގައި، ޑޮކްޓަރ ވަހީދު (ވަހީދުބެ) އަޅުގަނޑަށާއި ހަންދުއާއި އެހެންކުދިންނަށް ނަސޭހަތްދީ ހަދާވާހަކަ ބުނެފައި ވާނެކަމަށެވެ. އަޅުގަނޑު މިދެކަމަށް ވެސް އާދޭހޭ ދެންނެވީމެވެ. މޯރާތައުފީގު ބޮޑަށް ބޭނުންވީ ހަންދުމެން ކުދިން މިކަންތައް ކުރީ، ޑޮކްޓަރ ވަހީދު ދެއްވި ނަސޭހަތަށް ކުރިކަމެއް ކަމަށް ހަދާށެވެ. އޭނާއުޅެއުޅެވެސް އެގޮތަށް ބަޔާނުގައި ލިޔުމަށް، އަޅުގަނޑު އެއްބަސް ނުވީއެވެ. ދެންލިޔުއްވީ، އަޅުގަނޑު އެއްބަސްވި ގޮތަށެވެ.
ޑޮކްޓަރ ވަހީދަކީ، އަބަދުވެސް އަޅުގަނޑުމެން ހުރިހާ ކުދިންނަށް ވެސް ރަނގަޅަށް އުޅުމަށާއި އަޅުގަނޑު މެންނަށް ރަނގަޅުމަގު ދެއްކުމަށް ހެޔޮ ނަސޭހަތްތެރިވާ ބޭފުޅެކެވެ. ކިޔެވުމަށް ބާރުއަޅުއްވާ މުދައްރިސެއް ކަމަށެވެ. އަދި ހަންދުމެންގެ އުޅުން ހުންނަގޮތުން، އެކުދިންނަށް ރަނގަޅަށް އުޅުމަށް ހުރިހާ އިރެއްގައި ވެސް ނަސޭހަތްތެރިވާ މީހެކެވެ. މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއްގެ ހައިސިއްޔަތުން ވެސް އަދި ޕްރިންސިޕަލަކަށް ހުންނެވި އިރު، އެ ހައިސިއްޔަތުން ވެސް އަޅުގަނޑުމެން ހުރިހާކުދިންނަށް ނަސޭހަތްތެރި ވެލައްވައެވެ. އިނގިރޭސިބަހުގެ ގަވާއިދުތައް ކޮންމެވެސް ވަރަކަށް ބުނެދީ ކިޔަވައި ދެއްވިއެވެ.
މިގޮތަށް މިދެޕޮއިންޓް ލިޔަން އަޅުގަނޑު އެއްބަސްވުމުން ވަރަށް އަވަހަށް މިދެތަންކޮޅު ނޯޓްކޮށްލައްވައި ހެއްދެވުމަށް ފަހު، ރަފްކޮށް ސޮއިކުރުވާ ލައްވާފައި އަޅުގަނޑު ގޮޅިއަށް ފޮނުވާލެއްވީ ބިޑިއާ އެކުގައެވެ. ބިޑިން މިންޖުކުރާކަށް ނޫޅުއްވައެވެ. އަދި އަހުރެން ވެސް މިބިޑިން ސަލާމަތްކޮށް ދިނުމަކަށް ނޭދެމެވެ.
މިކަމާގޮޅީގައި އޮވެގެން ވިސްނާލުމުން މިކަމަކީ، އެންމެންގެ ބަޔާންތައްއެއްގޮތް ކޮށްލުމަށާއި އެކަކުއަނެކަކާ ތަހުގީގުގައި ގުޅުންހުރިކަން ވީހާބޮޑަށް ހާމަކޮށްދީ، ދޭހަކޮށް ދިނުމަށް ކުރާކަމެއްކަން އެނގުނެވެ. ގުޅުމެއްނެތް އެތައްބަޔަކު މިގޮތަށްގެނެސް އެއްކަމަކަށް އެކިގޮތްގޮތަށް އެއްބަސް ކުރުވާއިރު ބަޔާންތައް އެއްގޮތްކޮށްލާއި ގުޅުވާލުމުން މިކަމަކީ، ވަރަށްބޮޑަށް ޕްލޭންކޮށް ރާވައިގެން ކޮށްފައިވާ ކަމެއްކަން ބޮޑަށްފާޅުގައި ދެއްކޭނެތީ، ކުރެއްވި ކަމެއްކަން އެނގުނެވެ. މުޅި މިކަންތައް އެކުގައި ހަދަން ބޭނުން ވަނީ، ޓެރަރިޒަމްގެ ކުށަކަށެވެ.
ދެން އަނެއްކާވެސް ނެރުނީ އިރުއޮއްސެން ކާރިވެފައި ވަނިކޮށެވެ. ދޮޅުގަޑިއެއްހާއިރު ފަހުންނެވެ. އޭރުއޮތީ އިތުރުކުރި ދެތަންކޮޅާއެކު ރީތިކޮށް ބަޔާންލިޔެ، 4 ކޮޕީ ތައްޔާރުކޮށް ފައެވެ. ކިޔާލާފައި ސޮއިކޮށްލުމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ. ދެންއަޅުގަނޑު ކިޔާލާފައި ސޮއިކޮށް ލައިފީމެވެ. ހުރިހާގަނޑެއްގައި ސޮއިކުރުވާއި އިނގިލީގެ ނިޝާން ޖެއްސުވިއެވެ. ސޮއިކުރަން ބިޑިނައްޓައެއް ނުލައެވެ. ސޮއިކުރީ ބިޑިއާ އެކުގައެވެ. މިބިޑީގައި ސޮއިކޮށް ހަދާކަށް އުދަގުލެއް ނޫނެވެ.
ސޮއިކޮށް ނިމިގެން މޯރާތައުފީގު ކައިރީގައި ވަރަށް ގިނަވާހަކަ ދެއްކީމެވެ. މިހާރު މިހުންނަ، 21 ނަންބަރު ގޮޅިއަށް އެއްގޮތަކަށް ވެސް ވައިރޯޅިއެއް ނުވަންނަ ވާހަކައާއި ހޫނުއިރު ވަރަށް ހޫނުވާ ވާހަކައާއި ފިނިއިރު ވަރަށް ފިނިވާ ވާހަކައާއި ހުރިހާއުނދަގޫ ތަކެއްގެ ވާހަކަ ދެއްކީމެވެ. އަދި ވީހާ އަވަހަށް އެހެންގޮޅިއަކަށް ބަދަލުކޮށް ދިނުމަށް އެދުމުން އެކަން ކޮށްދޭނަމޭ ވިދާޅުވެއްޖެއެވެ. ހަމަ މިވަގުތު މިހަމަޖައްސައި ދެނީއޭ ވިދާޅުވެ އަޅުގަނޑު ގެންގޮސް ލީ، 30 ނަންބަރު ޓިނުގޮޅިއަށެވެ. 21 ނަންބަރުގޮޅިން، 30 ނަންބަރުގޮޅިއަށް ބަދަލުވީއެވެ. ﷲއަށް ޝުކުރުވެރިވީމެވެ. މިރޭވަރަށް އުފާވެރި ރެއަކަށް ބަދަލުވީއެވެ. ބިޑިއޮތްގޮތަށް އަތުގައިއޮތެވެ.
30 ނަންބަރުގޮޅިއަކީ، ބަކަރިކޮށީގެ ކުރިމައްޗަށް ވާގޮތަށް ހުންނަގޮޅިތަކުގެ ފަތިން އެންމެ ފަހު ގޮޅިއެވެ. އަދި މޫދާއެންމެ ކައިރީގައި ހުންނަ ގޮޅިއެވެ. ދޮރުފަތުގައި ހުންނަނީ ޓިނުނުޖަހައެވެ. ތޭރިޖަހައިގެން ހަދާފައެވެ. މިއީ ވައިރޯޅި ލިބޭ ގޮޅިއެކެވެ. ކުރިމަތިން ފެންނަނީ ބަކަރިކޮށީގެ ފާރެވެ. ނިދަންހުރި އަށިގަނޑަށް އެރީމާ ބަކަރިކޮށީގެ އެތެރެ ރީތިކޮށް ފެނެއެވެ. ބަކަރިތައް ނިދަންތިބޭ ހިޔާކޮށްފައި ހުންނަބައި ހުންނަނީ މިގޮޅިއާ ދިމާއަށެވެ. ބަކަރިތަކުގެ އަޑުފަށްގަނޑު މިގޮޅިއަށް ވަރަށްގަދައެވެ. ވިއްސާރަވީމާ ބައެއްފަހަރު ބަކަރިތަކުގެ ވަސްދުވައެވެ. ފޫހިފިލުވަނީ ބަކަރިކޮށި ބަލައިގެންނެވެ.
މިކަންމިހެން އޮތަސްއެހެން ހުރިހާ ކަމެއް މިގޮޅީގައި ފަސޭހަވެފައި ކުރިޔާބަލާފައި ވަރަށްބޮޑުތަން ފަސޭހަވެފައި އަރާމެވެ. މިހާހިސާބުން ކަންތައްތައްލުއިވެ، ހަމައަކަށް އެޅެންފެށީކަމަށް ލަފާކުރެވިއްޖެއެވެ. 30 ނަންބަރު ގޮޅިއަކީ، އެންމެގިނަ ވަގުތުހިޔާއޮންނަ ގޮޅިއެވެ. އިރުކޮންމެ ދިމާއެއްގައި ހުއްޓަސް މިގޮޅިއަށް އަބަދުވެސް ހިޔާއޮވެއެވެ. ބަކަރިކޮށި ވަށާލާފައި ހިނގާއެންމެން ހިނގަންޖެހެނީ މިގޮޅީގެ ބިއްދަށުން ލާފައެވެ. ދޫނިދޫގެ މުޅި އެހިސާބުގަނޑު ގޮޅީގެބިއްދަށު ބިތުގައި ދެއޭންގަލަކަށް ވާގޮތަށް ލޯވަޅުއަޅާލީމާ ކަވަރވެއެވެ. މުޅި އެހިސާބުގަނޑު މޮނިޓަރކޮށް ބެލެހެއްޓެއެވެ.
މިގޮޅީގައި އަޅުގަނޑު ވެއްދުމުގެ ކުރިން ދުވަސްކޮޅަކު، އަލްފާޟިލް އިލްޔާސް އަބްދުﷲ މ.އޮމަދޫ މާލެ އޮންނެވިކަން މިގޮޅިން އެނގެން ހުއްޓެވެ. އޭނާގެ ނަންމިގޮޅީގައި ލިޔެފައި ހުއްޓެވެ. އިލްޔާސް އަބްދުﷲ ވަނީ، ޖަލުތެރެއަށް ސިމެންތި ގޮޅިތަކުގެ، 1 ނަންބަރު ގޮޅިއަށް ބަދަލުކޮށް ފައެވެ. އަދި، 30 ނަންބަރުގައި ކުރިން އޮތް، އަބްދުﷲ ހުސައިން އަޅުގަނޑު، 30 ނަންބަރަށް ވައްދަންވެގެން ގެންގޮސްލީ، ބަކަރިކޮށީގެ ބިއްދަށު ފަރާތުގައި ހުރި، 36 ނަންބަރު ގޮޅިއަށެވެ. އަބްދުﷲ ބައެއް ފަހަރު ތުވާލިނެރެގެން އަޅުގަނޑު މެންތިބޭ ގޮޅިތަކާ ދިމާއަށް ވޭވްކުރާތަން ބަކަރިކޮށީގެ އަނެއްފަރާތުން ފެނެއެވެ.
ބިޑިއާއެކު ގޮޅީގައި އޮންނަނީއެވެ. ބަޔާންނަގާ ނިމިފައިވުމުން މާގިނަޚަބަރުތަކެއް ނުވެއެވެ. ތަހްގީގެއް ނޯވެއެވެ. ދޭ އެއްޗެއް ކާލައިގެން ގޮޅީގައި އިންނަނީ އަޅުކަމުގައެވެ. އަބަދުވެސް އިންނަނީ ވުޟޫޢު މަތީގައެވެ. ގުރުއާން ކިޔެވޭލެއް ގިނަކަމުން ވަރަށް ފަސޭހައިން ހިތުދަސްވެއެވެ. ހީވަނީ ގުރްއާނާކައިރިވީ ވަރަކަށް، ގުރުއާންވެސް އަޅުގނޑާ ކައިރިވާ ހެންނެވެ. ރޫހާނީގޮތުން ދުޅަހެޔޮވެފައި ވަރުގަދައެވެ. މިގޮޅިއަކީ އަޅުގަނޑުގެ އަޅުކަމުގެ ހޮހޮޅައަކަށް ނުވަތަ ޖިފުޓިއަކަށް ހަދައިފީމެވެ. އެކަހެރިވުމަކީ ނަފްސުތާހިރުކުރުމަށް އޮންނަ އެންމެ ފުރިހަމަ ގޮތެވެ.
ކައިރީގައި ޖެހިގެންހުރި، 29 ނަންބަރު ގޮޅީގައި އޮތީކާކުތޯ ބަލައިލުމުން އެނގުނީ، އެގޮޅީގައިއޮތީ އަޅުގަނޑު މެންނާއެކު ބަންދުކުރި އައްޑުއަތޮޅު ބުގޭޖަލީލުގެ ޒުވާން ދަރިކަލުން އަޒްމީލު ކަމެވެ. ގާޑުތަންކޮޅެއް ދުރުގައި ހުރި ވަގުތެއްގައި، 29 ނަންބަރަށް ގޮވާލައިގެން އަޒްމީލާއެކު ލިންކުގައިމުކޮށް ފީމެވެ. އަދި އޭނާގެފަރާތުން، 28 ނަންބަރު ގޮޅީގައި އޮތީ އަޅުގަނޑުގެ ކޮއްކޮ މުހަންމަދު ރަޝީދު ހުސައިން (ބިގޭ) ކަން އެނގުނެވެ. އަދި، 27 ނަންބަރު ގޮޅީގައި އޮތީ ބޮޑުސައްޕެކަން އެނގުނެވެ.
އަދި، 26 ނަންބަރުގައި އޮތީ ހަންދުކަންވެސް އެނގުނެވެ. 25 ނަންބަރުގައި ކޮއްކޮ އިބުރޭއެވެ. 24 ނަންބަރުގައި ވިންޓަރ ޝަރީފެވެ. އަންނިވަނީ ޖަލުތެރެއަށް ސިމެންތި ގޮޅިއަކަށް ބަދަލުކޮށްފައެވެ. ގޮޅީގެބިތުގައި އަޅާފައިހުރި ލޯވަޅުތަކުން ބަލައިގެން ގާޑްތަންކޮޅެއް ދުރުގައިހުރިއްޔާ އަޒްމީލްއާ ގުޅައިގެން އެކި މީސްމީހުންގެ ޚަބަރުހޯދަމެވެ.
މާލޭގެ ބައެއް ފާރުތަކުގައި "ފުރީ އިލްޔާސް" ލިޔުން:
މީނާ، އަޒްމީލް ކިޔައިދިން ގޮތުގައި އަޅުގަނޑު ބަންދުކޮށްފައި ހުންނާތީ، ދޫކޮށްލުމަށް ގޮވާލައި މާލޭގެ ބައެއްމަގު ތަކުގައި “ފްރީ އިލްޔާސް” މިގޮތަށް މީނާއާ ބައެއްކުދިން ވެގެން ލިޔުނީމާ ސިފައިން ނުކުމެ އިރުއެރީމާ އައިސް ކުލަލާ ފޮހެލަނީއެވެ. މާލޭގެ ފާރުތަކުގައި މިގޮތަށް ފުރަތަމަ ފަހަރަށް ލިޔެވުނު މިހުންނަކީ އަޅުގަނޑު މެންނެވެ. މިއިންވެސް އެނގެނީ އަޅުގަނޑުމެންގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމެވެ. މިއާދަތަކާއެކު ގޮޅީގައި ދުވަސްގުނަމުން ދުވަސްތައް ކަޑަތުކުރަމުން އަޅުކަން ކުރަމުން ގެންދަނީއެވެ. ބަކަރިތައް ބައެއްފަހަރު ރޮއިހޭރޭއަޑާއި ގިތިޔޮތައް މޮޔަވެގެން ބަކަރިފަހަތުން ދުވާއަޑާއި މިފަދަ މަންޒަރުތައް އާންމުކޮށް އިވި، އަދި ބަލާހަދަމެވެ.
13 ޖެނުއަރީ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަދުވަހެވެ. މެންދުރުގެ ވަގުތެއްގައި ގޮޅިންނެރުނެވެ. ނެރުމުގެ ކުރިންވެސް މިއަދުކުރަމުން މިގެންދާ މަސައްކަތް ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބެލުމުންވަނީ އޮޅުންފިލާފައެވެ. ފަހަރަކު މީހަކުނެރެގެން ގެންގޮސް ފޮޓޯއެއް ނަގަނީއެވެ. ނަންބަރެއް ޖަހާފައި އޮންނަ ކަރުދާސްބޯޑެއް ވާގަނޑެއްޖަހައި ކަރުގައި އަޅުވާފައެވެ. އަޅުގަނޑާ ޖެހުމުން އަޅުގަނޑު ވެސް ނެރެގެން ގެންގޮސް ކަރުގައި ނަންބަރެއް އަޅުވާފައި އެލުވާފައި ބުރިކޮށް ފޮޓޯއެއް ނަގައިފިއެވެ.
އަޅުގަނޑު ކަރުގައި އެޅުވިނަންބަރަކީ، 00203/11 އެވެ. އަދި ނަންބަރާ ނުލާވެސް ބުރިކޮށް ފޮޓޯއެއް ނެގިއެވެ. އަދި ކުރިން މަންތިރި މައްސަލާގައި ގެނައިފަހަރުވެސް ނަންބަރަކާނުލާ ފޮޓޯއެއް ނެގިއެވެ. މިއަދު ތިންފަރާތަށް ތިންއޭންގަލަށް ވާގޮތަށް ތިންފޮޓޯ ނެގިއެވެ. މިއީ އަޅުގަނޑުމެން ޓެރަރިސްޓުންނަށް ހަދާއި ރާއްޖޭގެ ބޮޑެތި މުޖްރިމުންގެ ލިސްޓްހަދައި ބެލެހެއްޓުމަށް ކުރާކަމެކެވެ.
ޓެރަރިޒަމް އާގާނޫނެއް ފަރުމާކޮށް އެ ގާނޫނުގެ ދަށުން ހުކުމް ކުރަން ވަނީ ކުރިން ރާވާފައެވެ. ސިޔާސީމީހުން މިގޮތަށް ޓެރަރިސްޓުންނަށް ހަދައިގެން ގެންގުޅުމަކީ، ގައުމުގެ ކުރިމަގަށް ގެންލުން ވާނެ ކަމެއްކަން ކަށަވަރެވެ. އަޅުގަނޑު މެންނަކީ ގައުމުދެކެ ނިހާޔަތަށް ލޯބިވާ ގައުމުގެ ކުރިމަގަށް ވިސްނުން ގެންގުޅޭ ސިޔާސީ މީހުންނެވެ. އެހެނަސް އެކަން އަގުވަޒަން ނުކޮށް، ނުދަނެ އެމީހުންނަށް ހޭއަރުވާ ލުމަކީ، ދިވެހިގައުމު ފަނާކުރުންކަން ކަށަވަރެވެ. ރާއްޖޭގައި ހަގީގީ ސިޔާސީމީހުން ވަރަށް މަދެވެ.
14 ޖެނުއަރީ 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަދުވަހެވެ. މިއަދު މެންދުރެއްހާއިރު، ސުލައިމާނު ސަރުދާރު، ވަރަށްއާ އަދި ވަރަށް ރީތި ބިޑިއެއް ހިފައިގެން ދުރުވެ އަޅުގަނޑުގެ ގޮޅިހުޅުވާލައްވައި، އަޅުގަނޑުގެ އަތުގައި އޮތްބިޑި ނައްޓާލެއްވުމަށް ފަހު، އޭނާގެނައި އާބިޑި އަޅުގަނޑުގެ އަތުގައި އެޅުވުމަށް ފަހު ގޮޅިތަޅުލާފައި އޭނާ ހިނގައްޖެއެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ބުނީމާ ކުޑަކޮށް ހިނިތުންވިހެން ހީވިއެވެ.
މިއީ ބްރޭންޑަޑް އޮރިޖިނަލް ބިޑިއެކެވެ. އިނގިރޭސި ވިލާތުގެ އުފެއްދުމެކެވެ. ބިޑީގެތެރެއިން މިއީވަރަށް ފަސޭހަ ވަށްތަރެކެވެ. ތިނެއްބައި ނުވަތަ ހަތަރުއިންޗި ހުންނަވަރުގެ ޗޭނުކޮޅެއް ދެބޮޅުދޭތެރޭގައި ލާފައި އިނދެއެވެ. އަޅުވާލީމާ ދެއަތްދޭތެރޭގައި ކުޑަހުޅާ ދިމާލުން އެހާ ޖާގަލިބެއެވެ. އަދި ޗޭނުކޮޅުގެ މެދުގައި ހޫކެއްލާފައި ބޭނުންގޮތަކަށް ދެއަތް އެކިއަތަށްވާ ގޮތަށް އަނބުރާލެވޭގޮތަށް ހަދާފައި ހުރުމުން ދެއަތް ބޭނުންވާ ގޮތްގޮތަށް ވަރަށް ފަސޭހައިން އަބުރާ ހެދެއެވެ. މި ބިޑީގައި އޮންނަ އިރު އެއްވެސް އުނދަގުލެއް ނުހުރެއެވެ.
ދެބޮޅުހަދާފައި ހުންނަނީ އެއްތަޅުދަނޑި އަކުންތަޅު ލެވޭގޮތަށެވެ. މިއީ ބިޑިތަކުތެރެއިން އެންމެލުއި ވަށްތަރެވެ. އަދި އެންމެ ފަސޭހަ ބިޑިއެވެ. ސިއްހީގޮތުން އެއްވެސް އުނދަގުލެއް ނުވެއެވެ. އަނެއްކާވެސް އެކަށީގެންވާ ބޮޑުލުއެއް ލިބުނީއެވެ. މިއީ ބިޑީގެ ތެރެއިން އެންމެ ފަސޭހަ ބިޑިއެވެ. މިބިޑިއަށް އާންމުކޮށް ޖަލުތެރޭގައި ކިޔާ އުޅެނީ ޗޭނުކޮޅުލީ ބިޑިއެވެ. ކީސްބިޑީގެ ފޮޓޯއާ އެކު މިބިޑީގެ ފޮޓޯ ވާނެއެވެ.

ޓިނުގޮޅިތަކުގައި ބިޑީގައި ހޭދަކުރި ދުވަސްތަކުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ، ފަތިސްދަޅާގައި ފިނިގަދަވާވަގުތު ގަދަޔަށްފިނިވެ، ގެންގުޅޭ ތުވާލިގަނޑު ގައިގާއަޅަން ވެގެންއުޅެއުޅެ ނޭޅިގެން ކުރަންޖެހޭ މަސައްކަތާ، އަދި މެންދުރު ދަޅާގައި އެންމެ ހޫނުގަދަވާއިރު ލައިގެންހުންނަ ގަމީސްގަނޑު ބާލައި ނުލެވިގެން ކުރަންޖެހޭ މަސައްކަތެވެ. ގަމީހުގެގޮށްތައް ނައްޓަންވެގެން އުޅެއުޅެ ނައްޓާނުލެވޭތީ ކުރަންޖެހޭ އުނދަގު ބޮޑު މަސައްކަތެވެ.
ގޮށްތައް ނައްޓާލާއި ގަމީސްބާލާއި ހަށިގަނޑަށް ވައިރޯޅިއެއްގެ އަރާމު ދެވޭތޯ ވަރަށްގިނަގުނަ ގޮތްގޮތަށް އަތްއަނބުރާހަދާއި ގިނަވަގުތު އެމަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. އެހެނަސް ކާމިޔާބެއް ނުހޯދެއެވެ. އިންނަން ޖެހެނީ، އެވާ ހޫނުގައި ގަމީސްގަނޑު ދަލުން ތެންމާލައިގެން ވަރަށްހާލުގައެވެ. އަޅުވާފައިއޮތް ބިޑީގެސަބަބުން މިއިންކަމެއް ނުކުރެވެނީއެވެ. ވާރޭގެ ފިންޏާއި އަވީގެ ހޫނުގައި ޖެހެނީ ކެތް ކުރާށެވެ. އެނޫންގޮތެއް ނެތެވެ. ބާލީހެއް ބެޑްޝީޓެއް އެހެންއެއްޗެއް ނޯވެއެވެ. ގޮޅީގައިއޮންނަނީ، ގެންގުޅޭ ތުވާއްޔާއި ދަތްއުނގުޅަން ގެންގުޅޭ ސާމާނާއި ކުޑަކުޑަޚަތިމު އެކަންޏެވެ.
މިހާރަކަށް އައިސް ތަހުގީގަށް ނެރުންވަނީ މުޅިންހެން ހުއްޓިފައެވެ. ބަޔާންތައް ސެޓުކޮށް ބަންޑާރަނައިބު އޮފީހަށް ފޮނުވީކަމަށް ވެދާނެއެވެ. ގޮޅީގައި އޮވެގެން އަބަދުވެސް ކުރާކަމަކީ، ވުޟޫޢުމަތީގައި ހުރެ ގުރުއާން ކިޔެވުމެވެ. އިށީދެގެންނާއި އޮށޯވެ އޮވެ ވެސް ކުރާކަމަކީ މިއެވެ. އަދި ހިތަށް އަންނަމުންދާ އެކިއެކި ސިޔާސީ ފިކުރުތަކުން އަބަދުވެސް ސިކުނޑިތާޒާ ވަމުންދެއެވެ. އަބަދުވެސް ރާއްޖޭގެ މުސްތަގްބަލަށް ފިކުރުކުރުން އޮވެއެވެ. ޕުލޭންތައް ރާވާހަދަމެވެ. ހިތާއި ސިކުނޑި ތާޒާކޮށް ބެހެއްޓުމަށެވެ. އަބަދުވެސް ސިޔާސީޕާޓީއެއް ވުޖޫދަށް ގެންނާނެގޮތާއި ގައުމުގެ ކުރިމަގު ބިނާކުރާނެ ސިޔާސަތުތައް ސިކުނޑީގައި އެނބުރިއެނބުރި ހުރެއެވެ.
ސިޔާސީ ކަންކަމުގައި އަޅުގަނޑު ގެންގުޅޭނެ ލޯގޯއެއް ފަރުމާކުރުމުގެ ވިސްނުން، އެކިގޮތްގޮތަށް ސިކުނޑީގައި ގެންގުޅެން ފަށައިގަތީ މިދުވަސްވަރު ކުޑަގޮޅީގައި އޮވެގެންނެވެ. އެކިކުރެހުންތައް ފަރުމާކުރުމަށް ވިސްނަންފެށީ މިދުވަސްވަރު ގޮޅީގައި އޮވެގެންނެވެ. ދުވަސްކޮޅެއް ތެރޭގައި ހިތުތެރޭގައި ދެތިންވައްތަރެއް ގެންގުޅެން ފަށައިފީމެވެ. އަތުގައިގެންގުޅޭ މޮހޮރުން ބައެއްކުރެހުންތައް ތަޅުމާއި ޓިނުބިތުގައި ފަރުމާކޮށް ހަދަމެވެ. އަޅުގަނޑަށް އެންމެ ކަމުދިޔަ އަދި ފައިނަލް ކުރެވުނު ލޯގޯއަކީ މިނިވަންވެގެން ފުރަތަމަ ފަހަރަށް އދ.އަތޮޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ފަހަރު ބޭނުންކުރި ލޯގޯއެވެ.
މިލޯގޯގެ ނަކަލެއް އަޅުގަނޑުގެ ސައިޓުގަޔާއި އަޅުގަނޑުގެ ފޭސްބުކް އެކައުންޓުގެ އަލްބަމްސް ތަކުން ފެންނަން ހުންނާނެއެވެ. 2004 ގެ ކެންޕޭނުގައި ވެސް އަޅުގަނޑު ބޭނުންކުރީ މިލޯގޯއެވެ. އެއީ އިނގިރޭސިން، އިލްޔާސް ހުސައިން ލިޔާއިރު އިލްޔާސް ފެށޭ އަކުރުގެ “އައި” ހުރަސްވާގޮތަށް، ހުސައިން ފެށޭ އަކުރުގެ “އެޗް” އަޅާފައި ހުރިހާކޮޅުތަކެއް ވަށްބުރަކަށް ވަށްކޮށްލީމާ ފެންނާނެގޮތެވެ. އެސޫރައެވެ. ބަދަލުކުރަމުން ގެންދާގޮޅިތަކުގައި މިލޯގޯ މޮހޮރު ބޭނުން ކޮށްގެން ކުރަހަމުން ގެންދަމެވެ. ބައެއްގޮޅީގައި ކަނޑާނަގާފައި ވެސް ހުންނާނެއެވެ.

އަދި މޮޓޯއަކަށް މިދުވަސްވަރު އަޅުގަނޑު ބޭނުން ކުރީ، "وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ" ވަކާނަ ޙައްޤަން ޢަލައިނާ ނަޞްރުލް މުއުމިނީން މި އާޔަތެވެ. މީގެ ފަހުން ވެއްދި ހުރިހާ ގޮޅިއެއްގައި މި މޮޓޯލިޔެފައި ހުންނާނެއެވެ. އަދި ލޯގޯވެސް ފަވާފައި ހުންނާނެއެވެ. އޭރު ވިސްނުމުގައި ހުންނަނީ އިސްލާމްދީނުގެ މަތިވެރި ޖިހާދަށް ނިސްބަތްކޮށް އަޅުގަނޑު އަމިއްލައަށް، ސިޔާސީޕާޓީއެއް ހެދުމުގެ ވިސްނުމެވެ. ފަހުން އަންނި އާއެކު އެއް ވިސްނުމެއްގައި އުޅެވި އޭނާގެ މޮޅު ވާހަކަތަކާއި ހަރަކާތްތަކުގައި ދެމި ހުރުމުގެ ސަބަބުން މިވިސްނުން ޖެހުނީ ދޫކޮށްލާށެވެ.
އެންމެން އެކުވެގެން އެއްމިސްރާބަކަށް ދިއުމުގެ ބޭނުމުގައި ވަކިޕާޓީއެއް އެވަގުތު ހެދުމުގެ ވިސްނުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ އެފިކުރު ޖެހުނީ ދޫކޮށްލާށެވެ. އަނެއްހެން ވެސް ސިޔާސީޕާޓީއަކަށް ވުރެ ސިޔާސީމީހުންނަށް ބޮޑަށް ބޭނުން ވާނީ ރައްޔިތުންގެ ތާއީދެވެ. ލޯބިން ޖާނުދޭނެ ގިނަބަޔަކު ފަހަތުގައި ތިބުމެވެ. މިފަދަވިސްނުން ތަކުތެރޭގައި އަބަދުވެސް ގޮޅީގައި ދުވަސްގުނުމުގައި އިންނަނީއެވެ. އެއް ވެސް ހިތްދަތިކަމެއް ހިތާމައަކާ މެދު ވިސްނާނެ ޖާގައެއް ނޯވެއެވެ. މުސްތަގްބަލުގެ ރޭވުންތައް ހުރީ މާވަރުގަދަކޮށެވެ.
މުސްތަގުބަލުގެ އުޖާލާ އުންމީދުގެ ފޮނިތަކުތެރޭގައި އެޖަޒުބާތުގެ ފޯރީގައި ހުންނާތީ ދުވަސްދާގޮތް ވެސް ނޭނގެއެވެ. ހަށިގަނޑަށް ކަސްރަތުގެ ފުރިހަމަ ކާނާ ދެވިފައި ހިތާއި ސިކުނޑިއަށް ފުރިހަމައަށް ރޫޙާނީކާނާ ދެވޭތީ ސިއްޙަތު ހުރީ ބަރާބަރަށް ތާޒާކޮށެވެ. ގުރުއާން ކިޔެވުމާއި ބޭނުންވާ ކަންކަމަށް ދުޢާ ދެންނެވުމުގައި ރޭތަކާއި ދުވަސްތައް ގުނަމުން ބަކަރިތަކަށް ބެލުމުގައި ގިނަ ވަގުތުތައް އޮވެގެން ދަނީއެވެ.
ބަކަރިކޮށީގައި ބަކަރިތަކާއި ގިތެޔޮތައް އުޅޭ ގޮތްތަކަށް ވިސްނުމުން އިލާހީޤުދްރަތު ތަޞައްވުރު ކުރުމުގައި ގިނަވަގުތު ހޭދަވެއެވެ. ކާން އެޅުމުން ގޮސް ކާން އުޅޭގޮތާއި ފެންބޯންދާ ދިއުމާއި އެއުޅޭ ހުރިހާ ގޮތަކަށް ވިސްނާހަދަމެވެ. އުޑުންފެންނަ ވިލާތަކާއި ތަރިތަކާއި މަންޒަރުތަކަށް ވިސްނުމުގައި ގިނަ ވަގުތު ހޭދަވެއެވެ. އެއްގޮތަކަށް ވެސް ފޫހިވާނެ ވަގިތެއް ނުލިބެއެވެ.
ކުޑަގޮޅީގައި، 45 ދުވަސް ހަމަވުން:
5 ފެބްރުއަރީ 1991 ވީއަންގާރަ ދުވަސް، މިބުރުގައި ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއަދު މެންދުރެއް ހާއިރު ގޮޅިން ނެރެގެން ތަހުގީގުކުރާ ތަނަށް ގެންގޮސް ވެއްދިއެވެ. ތިއްބެވީ ހ.މުގުރިގޭ ތާހާވަހީދާއި މޯރާތައުފީގެވެ. އަޅުގަނޑު ބޭންދީ އެދެމީހުންގެ ކުރިމަތީގައި ހުރި މޭޒުގެއަނެއް ފަރާތުގައި ގޮނޑިއެއްގައެވެ. ފުރަތަމަވެސް ގޮވާލެއްވީ އެހިސާބުގައި ފެންނަން ހުންނެވި، ފިރާގު އޮފިސަރަށެވެ. އަދި އަޅުގަނޑުގެ އަތުގައިއޮތް ބިޑިނެގުމަށް މޯރާތައުފީގު އޭނާއަށް އެންގެވިއެވެ. ހަމަ އެ ހިނދު އޮފިސަރު ފިރާގު އަތުގައި އޮތްތަޅުދަނޑި އަކުންދެބޮޅު ވަކިން ހުޅުވާލުމަށް ފަހު އަޅުގަނޑު އަތުގައި އަޅުވާފައި އޮތް ބިޑި ނަގައިފިއެވެ.
ދެއަތްފޮޅާލާއި ކޮނޑުހުޅުން ވާގިދޫކޮށްލާއި ފުރަތަމަ ފަހަރަށް ދެއަތް ރީތިކޮށް ތަޅުވާލައި ހަދާލެވުމުން ވަރަށް އަރާމުވެގެން ދިޔައެވެ. އެބޭފުޅުން ތިބީ ހިނިތުމުގައެވެ. ދެބޭފުޅުންގެ ތެރެއިން އިސްކޮށް އިންނެވީ ތާހާވަހީދެވެ. އަނެއްކާވެސް މޭޒުގެކުރިމަތީގައި ހުރިގޮނޑީގައި ބޭންދުމުން، މިހާގިނަ ދުވަހު ބިޑީގައި މިފަދައަނިޔާ ވެރިކަމުގައި ބޭއްވީ ކީއްވެގެންތޯ ސުވާލުކޮށްފީމެވެ. މިފަހަރު އެބޭފުޅުންނަށް ވުރެ ކުރިން ވާހަކަ ފެއްޓީ އަޅުގަނޑެވެ. ދެ ބޭފުޅުން ވެސް ޖަވާބުގައި ވާހަކަދައްކަމަވުން ވިދާޅުވީ އެކެއްޗެކެވެ.
ޖަވާހިރުވާދީއަށް، އިލްޔާސްގެ ގެއަށްވަދެ ނުކުމެއުޅޭ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަވާހިރުވާދީއަށް ވަދެދައްކަވާ ވާހަކަތައް އިލްޔާސް ބުނެނުދީ ހިފޭއްޓީމާ އަދަބެއްގެ ގޮތުންބިޑީގައި ގެންގުޅެއް ޖެހުނީއެވެ. އެއީ މިތަނުން ދެވޭ އަދަބެވެ. އިލްޔާސް އެ ވާހަކަތައް ކިޔައި ދިންނަމަ، މިހާގިނަދުވަހު ބިޑީގައި އޮންނާކަށް ނުޖެހުނީހެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަށް ތިޔަހާބޮޑު އަނިޔާއެއް ދެއްވިއިރު ފަހުން އަންނާނެ ބަޔަކަށް، އެކަން އެނގޭނެރެކޯޑެއް ތިޔަބޭފުޅުން މިތާގައި ގައިމުކޮށްފައި އޮވޭތޯއެވެ؟
މިސުވާލު ކުރުމުން ވިދާޅުވީ، މިދެވެނީ އަނިޔާ ނޫން ކަމަށެވެ. މިއީ ތަހުގީގަށް އެއްބާރުލުން ނުދީގެންދެވޭ އަދަބެވެ. އަނިޔާއޭ ނުކިޔާށެވެ. ސިފައިން އަނިޔާއެއް ނުކުރާނެއެވެ. މިދެވޭ އަދަބުތައް ރަސްމީފޮތެއްގައި ލިޔެފައި ފަހުންބަލަން ބޭނުންވާ ބަޔަކަށް ފެންނާނެހެން ބަހައްޓާފައި ހުންނާނެއެވެ. މިހެން ވިދާޅުވުމުން އަޅުގަނޑަށް ތިޔަފޮތް ފެނިދާނެތޯ ނުވަތަ ދައްކާލައްވަ ފާނަންތޯ ދެންނެވުމުން މިވާހަކަތައް ލިޔެފައި އޮތް އާދައިގެ ސްކޫލްފޮތެއް އަޅުގަނޑަށް ދެއްކިއެވެ. މިއީ މުޅިން އާފޮތެކެވެ. މާޒީއެއް ފެންނާކަށް ނެތެވެ.
މިފޮތުގައި ބިޑިއެޅުވި ދުވަހާއި ނައްޓާލި ދުވަސް ނޯޓުކޮށްލާފައި އޮތެވެ. އަދި ފޮތުގެބޭރުގައި ކުއްވެރިންނަށް ދެވޭ އަދަބު މިހެންލިޔެފައި އޮތެވެ. މޯރާތައުފީގު ބުނުއްވަނީ ހުރިހާއަދަބެއް މިފޮތުގައި ނޯޓުކުރާކަމަށެވެ. އަޅުގަނޑަށް އެއްގޮތަކަށް ވެސް މިއީ ބަލަހައްޓާ ރެކޯޑެއް ހެނެއް ހިޔެއް ނުވެއެވެ. އަޅުގަނޑު މިކަމަށް އެދުނީމާ ފޮތެއްގެނެސް ދައްކާލީއެވެ. މިއަދަކީ ފޫހިކަމެއްނެތި ވަރަށްގިނަ ވާހަކަ ދައްކަމުން ގެންދާ ދުވަހެކެވެ. މޯރާތައުފީގު އިންނެވީ ވާހަކަދައްކާ ހިތުންނެވެ. ދުވަސްތަކަކަށް ފަހު ނިގަ ވާހަކަތައް ދައްކާލެވުނީމާ އަހުރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ބިގޭ ހުންނަ ގޮޅިން ނެރެގެން މޫދަށް ގެންދާތަން، އަޅުގަނޑަށް ފެނިފައި އޮތުމުން، މިބޭފުޅުން ކައިރީގައި އަޅުގަނޑަށް މޫދަށް އެރެވޭނެ ގޮތެއް ހައްދަވާއި ދެއްވައި އެކަމަށް، 30 މިނެޓް ޚާއްސަ ކޮށްދެއްވައި، 15 މިނެޓު ވައިގެ ތެރޭގައި ކަސްރަތުކޮށްލާއި އަނެއް، 15 މިނެޓު މޫދުގައި އުޅެވޭނެ ގޮތް ވެދާނެތޯ ދަންނަވާލުމުން ވިދާޅުވީ ތިޔައީ އަޅުގަނޑުމެން، ތަހުގީގު ޓީމުން ދޭހުއްދައެއް ނޫނެވެ. އިލްޔާސަށް ޖެހިލައްވާނީ ޑިފެންސް މިނިސްޓްރީއަށް، މޫދަށާއި ކަސްރަތު ކުރުމަށް ގޮޅިން ނެރެ ދެއްވާތޯ އެދި ސިޓީއެއް ލިޔެފައި ލައްވާށެވެ.
އޭރުން ހީވަނީ ތިޔަކަންތައް ހަމަޖެހިދާނެ ހެންނެވެ. އިލްޔާސް، ސުލައިމާނު ކައިރީގައި އެދުމުން ސިޓީ ލިޔެވޭނެ ގޮތް ހަމަޖެހޭނެއެވެ. ދެން ހަމަ އެވަގުތު ސުލައިމާނަށް ގޮވައި ގެނެސް، އިލްޔާސަށް ސިޓީ ލިޔެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެނާ ގާތުގައި މިބޭފުޅުން ވިދާޅުވެއްޖެއެވެ. މިއަދު މިދަނީ ވަރަށް ރަނގަޅަށެވެ. އެއްވެސް ކަމަކަށް ނޫނެކޭ ނާދެއެވެ. މި ދެބޭފުޅުން ވެސް ތިއްބެވީ، ވަރަށް ރުއްސަވާފައެވެ. ގިނައިން އުޅެނީ އަޅުގަނޑު ލައްވާ ވާހަކަ ގިނަ ކުރާށެވެ. އެދޭހާކަމެއް ވެސް ކޮށްދޭށެވެ.
ދޫނިދޫ ޖަލުތެރެއިން ޖިންނިއެއް ފެނުނުވާހަކަ:
ދެން މޯރާތައުފީގު ދެއްކެވި ވާހަކަތަކަކީ، 30 ނަންބަރުގޮޅީގައި އިލްޔާސް އޮންނަވާ އިރު ބަކަރިކޮށި ފެންނާތީ ބިރުނުގަނޭ ހެއްޔެވެ؟ ގޮޅިތަކުގައި މިހާރު ބިރުގަންނަ ގައިދީން ވަރަށް ގިނައެވެ. އެމީހުންނަށް ޖަލުތެރެއިން ޖިންނިއެއް ފެންނަ ކަމުގެ ޝަކުވާ އެބަ ލިބެއެވެ. މިކަމުގެ ޝަކުވާލިބެނީ، ބަކަރިކޮށީގެ ކުރިމަތީގައި ހުންނަގޮޅިތަކުގައި ތިބޭމީހުންގެ ފަރާތުންނެވެ. ގިނަ ގައިދީންނާއި ގިނަ ގާޑުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާތައް ލިބެމުން އެބަދެއެވެ.
އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު އެއްގޮތަކަށް ވެސް ޖެހިލުން ނުވާކަމާއި އެއްގޮތަކަށް ވެސް ބިރެއް ނުގަނެއެވެ. ގޮޅީގައި މިއޮންނަނީ އުފަލުގައެވެ. ހިތްހަމަޖެހިއެވެ. އަދި އަބަދުވެސް ގުރުއާން ކިޔަވަން ވުޟޫއުމަތީގައި އިންނަ ވާހަކަ ދެންނެވީމެވެ. ބައެއްރޭރޭ މިގޮތަށް އިރުއަރަންދެން އިންނަކަމަށް ވެސް ދެންނެވީމެވެ. މިއީ ފާޑެއްގެ އިއުތިކާފެކެވެ. ހިތްހަމަ ޖައްސާލުމުގެ ތަމްރީނެއް މުޅި ހަށިގަނޑަށް ދެވެނީއެވެ.
އަދި ހުރިހާ ވަގުތެއްގައި ވެސް އިންނަނީ ގުރުއާން ކިޔަވާލަ ކިޔަވާލާ ކަމުގައި ދެންނެ ވީމާ، މޯރާތައުފީގާއި ތާހާވަހީދު ވިދާޅުވީ، ގޮޅިތައް ކައިރިން ދޫނިދޫން ރޭގަނޑު އިލްޔާސް ފެންނާތީ ބަންދުގައި ތިބި ވަރަށް ގިނަ ގައިދީން އެކަމުގެ ޝަކުވާކޮށްފިއެވެ. ގިނަ ގާޑުންނަށް ވެސް ފެނިފައިވާކަމުގެ ޝަކުވާ ލިބިފައި އެބަހުއްޓެވެ. އަދި ބަކަރިކޮށި ކައިރީގައި ހުރިގޮޅިތަކުގައި ތިބޭމީހުންނަށް އިލްޔާސް ފެންނާތީ ވެސް ޝަކުވާ ލިބިއްޖެއެވެ. މިވަނީކިހިނެތް ހެއްޔެވެ؟ އިލްޔާސް ބިރެއްނުގަނޭ ހެއްޔެވެ؟
29 ނަންބަރު ގޮޅީގައި އިލްޔާސާ އެންމެކައިރި ގޮޅީގައި އޮންނަ، އަޒްމީލަށާއި ދެން ޖެހިގެންހުރި ގޮޅީގައި އޮންނަ ބިގޭއަށް ޖިންނިއެއް ފެންނާތީ، އެ މައްސަލަ ޖައްސައިފިއެވެ. ބިގޭއަށް ފެނުނީ، އިލްޔާސެވެ. އަޒްމީލް ބުނަނީ ކަޅުއެއްޗެއް ކަމަށެވެ. ސިފަކޮށްދޭކަށް ނޭގޭކަމަށެވެ. އަދި ޑިއުޓީއަށް ތިބޭބައެއް ސިފައިންނަށް އިލްޔާސް ސިފައިގާ ހުންނަ އެއްޗެއް ބަކަރިކޮށި ކައިރިންނާއި ދޫނިދޫގެ އެހިސާބުން ފެންނަކަމާއި އޭތި ހުންނަނީ، އިލްޔާސް ސޫރައިގާ ކަމާއި ހުންނަނީ އަތުގައި ބިޑި އަޅުވާފައި ކަމަށާއި ދެއަތުން އެއްއަތް ހުންނަނީ ބުރިވެފައޭ އެ މީހުން ކިޔައިދޭކަމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ.
އަޒްމީލް މިކަމާހެދި ބިރުގަންނާތީ މައްސަލަ ޖެއްސުމުން އޭނާ މިހާރު ހުންނާނީ ޖަލުތެރެއަށް ސިމެންތިބަޔަށް ބަދަލުކޮށްފައި ކަމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ. އެއްރެއަކު އަޒްމީލް ލައިގެން ހުރި ގަމީހުގައި ހިފާ ދަމައިގަނެގޮށްތައް ގޮށްވަޅުން ދުއްވާލި ވާހަކަ ފަހުންއޭނާ އަޅުގަނޑަށް އޭނާގެ އަނގައިން ކިޔައިދިނެވެ. ހަގީގަތް ދެނެވޮޑިގަންނަވާނީ، ﷲ އެވެ. މިއީ އޭނާ ބުނިގޮތެވެ!
އަދި ބިގޭ ގޮޅީގެ ދޮރުމައްޗަށް އަޅުގަނޑު ސިފައިގާ ހުރި މީހަކުއަރާފައި ބިގޭއާދިމާލަށް އަވަހަށް ނުކުންނަން ވީއޭ ބުނެފައި ދެން ބަލާލުމުން ނުފެނުނު ވާހަކަ ބިގޭ ވެސް ވަނީ ފަހުން އަޅުގަނޑަށް ކިޔައިދީފައެވެ. މިއީ ޖަލުޖިންނީގެ ވާހަކަތަކެވެ!
29 ނަންބަރު ގޮޅިން އަޒްމީލުނެރެގެން ގެންދިއުމަށް ފަހު، 29 ނަންބަރު ގޮޅިއަށް ގެނައީ ބޮޑުސައްޕެއެވެ. ދޫނިދޫ ބަކަރިކޮށި ކައިރީގައި މިފަދަ ބިރުވެރި ހާދިސާއެއް ހިނގިކަން އަޅުގަނޑަށް އެނގުނީ މިއަދެވެ. ބޭރަށް ނެރެ މޯރާތައުފީގުއާއި ތާހާވަހީދު، އަޅުގަނޑުގާތުގައި އެ ވާހަކަތައް ކިޔައި ދިނީމައެވެ. ޑިއުޓީގައި ތިއްބެވިބައެއް ކުދިންގެ ފަރާތުން މި ވާހަކަތައް ފަހުން އަޅުގަނޑަށް ވެސް ލިބުނެވެ. އެކުދިން އަޅުގަނޑަށް ކިޔައިދިނެވެ.
އިލްޔާސް ބޭރުންފެނިފައި ގެއްލުނީމާ ޓޯޗު ހިފައިގެން ގޮސް އިލްޔާސް އޮންނަގޮޅި ބަލާޗެކްކުރާ އިރު އިލްޔާސް އަށިގަނޑުމަތީގައި އިށީދެގެން ގުރުއާން ކިޔަވަން އިންނަވާތަން އެކުދިން ދެކޭކަމަށް ބުންޏެވެ. އެއީ ތެދެކެވެ. އެދުވަސްވަރު ދަންވަރު ވަރަށްގިނައިން އަޅުގަނޑު އިންނަގޮޅިއަށް ގާޑު އޮފިސަރުން އައިސް ޓޯޗަކުން އަލިކޮށް ހަދައެވެ. ބަލާލާފައި އަނގައިން ނުބުނެދަނީއެވެ. އެދުވަސްވަރު އަޅުގަނޑު ނިދަނީ ވަރަށް މަދުންނެވެ. ފަތިސްނަމާދާއި ޟުޙާނަމާދަށް ފަހު ހެނދުނުސައި ލިބުނީމާ ދެން ކުޑަކޮށް ނިދާލަމެވެ. ރޭގަނޑު އަބަދުވެސް އިންނަނީ ކިޔަވާށެވެ. ނަމާދުކުރާށެވެ. ދުޢާކުރާށެވެ. މިވެރިންގެ އަނިޔާއިން ސަލާމަތްކޮށް ދެއްވާތޯއެވެ.
ކޮންމެއަކަސް މިހުރިހާ ވާހަކަތަކެއް ދެއްކުމަށް ފަހު، އަޅުގަނޑު ގޮޅިއަށް ފޮނުވާލީ ބިޑިން މިންޖުވެފައި ހުރި ހަށީގެ މިނިވަނެއްގެ ގޮތުގައެވެ. މިކަންވީ އަޅުގަނޑަށް ލިބުނު ބޮޑު ލުޔަކަށެވެ. ވަރަށް އުފާވި ދުވަހެކެވެ. އަހުރެންގެ ދުޢާތަކަށް އިޖާބަ ދެއްވީއެވެ. ބިޑީގެ ވަހުޝީ އަނިޔާތަކުން ސަލާމަތްވުމުން ގޮޅިއަށް އައިސް މުޅިހަށިގަނޑު ބަލާލައި ހެދުމަށް ފަހު ވަރަށް ދެރަވިއެވެ. ހިތާމަކުރަން ޖެހުނެވެ. އަތުގެކުޑަހުޅާ ދިމާލުން ދެއަތްވެސް އޮތީވަރަށްކަޅުވެ ކުރަމަގާލި ވައްތަރު ވެލާފައެވެ. ހަންގަނޑު ބޯވެގެންގޮސް ކުރަކިވެފައެވެ.
އުޅަބޮށިކޮޅާއި އުނަގަނޑުގެ ދެފަރާތުން އަށިގަނޑުގައި އަބަދުވެސް ޖެހި ކޭއްތޭ ދިމާތައް ހުރީ ކަޅުވެހަންގަޑު ބޯވެ ކުރަމަގާލީގެ ވައްތަރަކަށް ވެފައެވެ. މިތަންތަން ކުރިން ހުރި ގޮތަށް މަޑުރީތި ހަމަށް ބަދަލުވީ ވަރަށްގިނަ ދުވަހުންނެވެ. އަޅުގަނޑުގެ އަޅުކަންތައް އިތުރަށް ހަރުދަނާކޮށް، ﷲ އާ ކުއްތަންވުމާއި ކެތްތެރިކަން ދެއްވުން އެދި އެތައް އިރަކު މުޅި ދަންވަރު ހޭލާއިނދެ ދުޢާކުރީމެވެ. އެކިނިޔަތްތައް ގަނެއެވެ. ސިފައިން މިދެމުންގެންދާ އަނިޔާތަކުން ހަށިގަނޑަށާއި ބުއްދިއަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް، އުނިކަމެއް އަޔަ ނުދެއްވާ ތޯއާއި އަބަދުވެސް ބުއްދި ސަލާމަތުން ލަހައްޓަވާ ތޯއެވެ. ފުރިހަމަ ސިއްޙަތެއްގައި އަބަދު ލައްވާތޯއެވެ!
އެނެއް ދުވަހު ސުލައިމާނު ސަރުދާރު ކުރެއްވި މަސައްކަތަކީ، ކޮންމެ ގޮޅިއެއްގެ ކުރިމަތީގައި ފަސްވޯޓްގެ ބޮތްކެއްލާއި މުޅިދޫނިދޫގެ އެހިސާބުގަނޑު ތަންތަންކޮޅުގައި ކަރަންޓުނަރު ދަމައިގެން ބޮކިލައި އަލި ކުރެއްވީއެވެ. ﷲގެ އިރާދަފުޅުން، ފާނޫޒުގެ ފަނޑުއަލިން ސަލާމަތްވީއެވެ. ޓިނުގޮޅިތަކަށް އާބަދަލުތަކެއް އަތުވެއްޖެއެވެ. އާދިރުމެއް އަތުވެއްޖެއެވެ. އާ އަލިކަމެއް ލިބިއްޖެއެވެ. ނުބައި ޖިންނިތައް އަލިކަމަށް ބިރުގަންނާނެއެވެ. ނާމާންކަން ގެއްލި އަމާން ތަނަކަށް ބަދަލުވީއެވެ. ﷲއަށް އެތެއްހާސް ޝުކުރެއް އަޅުގަނޑު މިކަމާގުޅިގެން ދެންނެވީމެވެ. ޝުކުރުގެ ޚާއްސަ ނަމާދެއް ކުރީމެވެ. މި ހިސާބުން ނުބައި ނުލަފާ ޖިންނީގެ އުނދަގުލުން ވެސް ޖަލުތެރެ ސަލާމަތްވެ މިންޖުވީއެވެ. ޖަލުތެރޭގައި މުޅިން އާ އަލިކަމެއް ފެށުނީއެވެ.
އާދެ! އަޅުގަނޑަކީ ކިޔެވި ދުވަސްވަރު ކޮލެޖްގެ މަންހަޖާއި މުޤައްރަރުގެ އިތުރުން، މަންޠިޤާއި ފަލްސަފާގެ ފޮތްތަކަށް ޝައުޤުވެރިކަން ހުރެގެން އެފަދަފޮތްތައް ވަރަށްގިނައިން ހޯދާއި މުޠާލަޢާ ކުރި ދަރިވަރެކެވެ. ބައެއްފޮތްތައް ގަނެވެސް ހެދީމެވެ. އަދި، ﷲ ގެ ނޫރާއި އަލިކަމާއި ރޫޙާނިއްޔަތާއި ރޫޙާގުޅޭ ފޮތްތައް ގިނައިން ކިޔާ ހަދާފައި ހުރި ޠޯލިބުޢިލްމެކެވެ. ސްޓުޑެންޓެކެވެ.
އަދި މީގެ އިތުރުން ޖިންނި ޝައިޠާނުންނާއި ޝައިޠާނީބާރާ ބެހޭފޮތްތަކާއި ކަޅުޖާދޫ ފަންޑިތަހާހޫރަ އާބެހޭގޮތުން ޢަރަބި ބަހުން ލިޔެވިފައިވާ ހުރި ގިނަފޮތްތައް ހޯދުމާއި ކިޔުމަށް ޝައުޤުވެރިކަން ހުންނަ މީހަކަށް ވާތީ މިފަދަފޮތްތައް ކިޔެވި ދުވަސްވަރު ހޯދައިގެން ކިޔާއި ބައިވަރު މައުލޫމާތުތައް ހުރީ ލިބިފައެވެ.
މިދެންނެވި ފޮތްތަކުގެ ތެރޭގައި “ނުޒްހަތުލް މަޖާލިސް” އާއި “މުޖައްރަބާތުލް ދައިރަބީ” އާއި “ޝަމްސުލް މަޢާރިފުލް ކުބްރާ” އާއި “އަލްބަރަކާ” އާއި “އަލްރޫޙު” އާއި "އިޣާޘަތުލްލަހްފާނި ފީ ޢިލްމި ތަސްޚީރިލްރޫޙާނިއްޔަތި ވަލްޖާންނި" އާއި "ޤާހިރުލްއަރްވާޙި" އާއި "މުނީޢު އުޞޫލުލްޙިކްމަތި" އަދި “ތަސްޚީރުލް އަރްވާޙި” މިފަދަ ފޮތްތައް ހިމެނެއެވެ. މި ފޮތްތައް މިޠާލިޢާކޮށް ކިޔާހަދާފައި ހުރުމުން ބައިވަރު މައުލޫމާތު ލިބިފައި ހުއްޓެވެ.
އެހެނަސް ކުޑަގޮޅިއެއްގައި ޖަލުގައި ބަންދުވެފައި އިންނަ އިރު، ޤުރުއާންމަޖީދު ފިޔަވާބަލައިލާނެ، އަދި ކިޔާލާނެ އެހެން ފޮތެއް ނެތްއިރު، އަޅުގަނޑަށް ލިބިފައި ހުރި މަދު ޢިލްމީމައުލޫމާތު ތަކާއި އެނގިފައި ހުރި މަދު ތަކެއްޗާއި އެކު، ކަމާބެހޭގޮތުން ޢިލްމުވެރިން ބުނެފައި ހުރި ޚާއްސަ ސޫރަތްތައް އަޅުގަނޑު ގެންދިޔައީ އެ ދުވަސްވަރު ގޮޅީގައި އިނދެގެން ކިޔަވަމުންނެވެ. އެކިކަންކަމަށް ނިޔަތްގަނެ އެދިގެންނެވެ!
އެއީ މުއުމިނުޖިންނި އެއްގެ އެހީ ހޯދުމުގެ ބޭނުމުގައި، ﷲއަށް ދަންނަވައި އެކަމަށް ނިޔަތް ގަނެގެން ކުރި ކަމެކެވެ. އެދުވަސްވަރު ކޮންމެ ރެއަކުވެސް މި ނިޔަތާއި މި މަގްސަދުގައި އެކިޔެވެލިތައް ކިޔެވީމެވެ. ޖިންނީންނަށް މީރުވަހަކީ ބޭނުންވާނެ އެއްޗަކަށް ވާތީ، ފެންވަރަން ނެރޭފަހަރު ސައިބޯނިކޮޅުކޮޅު ގޮޅިއަށް ގެނެސް ރޭގަނޑު ކިޔާވާވަގުތު ދޮރުމަތީގައި ބަހައްޓަމެވެ. މިފަދަ ކަމެއް ކުރަންނިންމީ، މައްކޮމެން، މަސްއޫދުމެން ފަދަ ކަމާނުބެހޭ އެތައްބަޔަކު ގެނެސް ކުޑަގޮޅީގެ އަނިޔާތަށް ދެމުން ދާތީ، އެކަމަށްލުޔެއް ލިބިގަތުމުގެ ބޭނުމުގައެވެ. އެއީ ސާފު އަނިޔާއަށް ވާތީއެވެ.
ޚާއްސަކޮށް މައްކޮ ވީހާއަވަހަށް މިނިވަން ކުރުމުގެ ބޭނުމުގައެވެ. މައްކޮއަކީ އަހުރެންގެ ސިޔާސީ އެއްވެސް ކަމެއްގައި އަމަލީ ބައިވެރިއެއް ނޫނެވެ. މައްކޮ އަކީ އަންހެން ކުދިންހޯދުމާއި މަޖާނެގުމުގެ އެކުވެރި ބައިވެރިޔާއެވެ! މައްކޮ އާއެކު އަބަދުވެސް ދެކެވެނީ އަންހެންކުދިންގެ ވާހަކަތަކެވެ. އަދި ދެމީހުން އެކުގައި މާލެ ތެރޭގައި ބުރުޖެހުމާއި ދުއްވުމުގައި ގިނައިން ޒިޔާެރަޔް ކުރެވިފައި ހުންނާނީ ވެސް އަންހެނުން ކައިރިއަށެވެ. މަޖާނަގާށެވެ! ސިޔާސީމީހުން ގާތަކަށް ނޫނެވެ. މިއީ ކަނޑައެޅިގެން އަހުރެންނާ ގުޅުވައިގެން މައްކޮއަށާއި މަސްޢޫދަށް ގަސްތުގައި ދެމުންދާ ސާފު އަނިޔާތަކެކެވެ.

އެމީހުންގެ އެއްވެސް މިންވަރެއް އަހުރެންގެ ފަރާތުން މިކަމުގައި ނުވާނެއެވެ. އަހަރެން ބެލީ މިކަމުގައި ޖިންނި ޝައިތޯނުންގެ ނުލަފާނުބައި ބާރުންް މަދަދާއި އެހީގެ ބޭނުން ކޮންމެވެސް ގޮތަކުން ހިފޭތޯއެވެ. ފޮތްތަކުގައި އެވާހަކަތައް ހުރުމުން ގަސްދުގައި ތަޖްރިބާކޮށްލީއެވެ. ވީމާ އެއީ އެނިޔަތުގައި އެކަމަށް އެދި ކިޔެވި ކިޔެވުމެކެވެ.
ޝައިޠާނީ ބާރެއް ވުޖޫދުވުން:
އަޅުގަނޑު، 30 ނަންބަރުގޮޅީގައި އިންއިރު ގަވައިދުން މިކަމުގައި ގިނަ ރޭތައް ހޭދަކުރީމެވެ. މިކިޔެވެލި މިގޮތަށް ކިޔެވުން ހުއްޓާލީ އެއްރެއަކު ކަޅުއަނދިރި ގަނޑެއް ސިފައިގައި ދެއަތްފެންނަން ހުރި ގޮތަކަށް ހުރި ކަޅުއެއްޗެއް ގޮޅީގެ ދޮރުމަތިން ފެނިފައި އަޅުގަނޑުގެ ކަނާއަތުފައިގެ ބޮޑުވައި އިނގިލީގައި ހިފައި ލުތްކެއް ޖަހާލި ފަހުންނެވެ.
މިއީ ހޭލާ އޮށޯވެލައިގެން އޮއްވާ ހިނގިކަމަކަށް ވާތީ އަޅުގަނޑު މިކަމާވަރަށް ވިސްނަން ޖެހުނެވެ. ކުޑަކޮށް ހާސްވެ ޖެހިލުން ވިއެވެ. އަޅުގަނޑުގެ ވިސްނުން އެކިދިމާތަކަށް ހޭރިޔާކޮށް ވިސްނުމަށް ފަހު، ހިނގާ މިދިޔަ ކަންތަކަކީ މުޅިން ރަނގަޅުކަމެއް ނޫންކަމަށް ބުރަވެ ލަފާ ކުރެވިއްޖެއެވެ. މިއީ މުއުމިނު ޖިންނިއެއްގެ ކަމެއް ނޫންކަމަށް ނިންމައިފީމެވެ. މިއީ ކާފަރުނުލަފާ ޖިންނިއެއްގެ ޝައިޠާނީބާރުގެ ކަމަކަށް ބަލާއި ކަށަވަރުކޮށް ނިންމައިފީމެވެ. މިގޮތަށް ވިސްނުމަށް ފަހު، ކުރެވުނު ތަޖްރިބާ އާއި ލަފާގެ މައްޗަށް ބުރަވެ މި ކިޔެވެލި ހުއްޓާލުމަށް ނިންމައި ފައިނަލް ކުރުމަށް ފަހު، އެކަން އެނިޔަތުގައި އެގޮތަށް ކުރުން ހުއްޓާލީއެވެ.
ޖިންނި ޝައިތޯނުންގެ އެހީހޯދުމަށް ކިޔެވެލި ކިޔެވުން މިހާ ހިސާބުން އެކުގައި ހުއްޓާލައިފީމެވެ. މިކަންތައް ހުއްޓާލުމަށް ފަހު، މިޒާތުގެ މިކަހަލަ އެއްވެސް އުނދަގުލެއް އެކަކަށްވެސް ނުވެއެވެ. އަހުރެންނަކަށް ވެސް ނުވެއެވެ. ފަހުން ވިސްނާލުމުން މިކަމަކީ، ދޫނިދޫތެރެއިން ޓިނުގޮޅިތަކާ ދިމާލުން ފެންނަމުން ދިޔަ އަޅުގަނޑުގެ ޞޫރާގައި އުޅުނުޖިންނިއާ، މިކަމާ ގުޅުންމެއް ހުރިކަން ކަށަވަރު ކުރެވުނެވެ. އެދުވަސް ވަރަކީ، އަޅުގަނޑުގެ ރޫޙާނީބާރު ހިތްހަމަޖެހޭ ގޮތެއްގައި ހުރި ދުވަސްވަރެކެވެ. ދެން އެއަށް ފަހު، ކިޔެވުންތަކުގައި ގެންދިޔައީ ރޫޙާއި ރޫޙާނިއްޔަތުގެ އަލިކަމަށް، ނަފްސުގެބާރަށް އެދި ކިޔަވާއި ދުޢާ ކުރަމުންނެވެ. މީހާގެ ވަށައިގެންވާ އެބާރު އިތުރުވޭތޯއެވެ.
އޭގެ ފަހުން އެކަމަކަށް އެދި ދުޢާކުރަމުން ގެންދިޔަ ކޮންމެ ކަމެއް ފުދެމުން ދިޔައެވެ. ރަނގަޅު ހުވަފެންތައް ފެންނަމުން އަލިމަގު ފެންނަމުން ދިޔައެވެ. އަޖައިބު ވާފަދަ ކަންތައްތައް ވަމުންދިޔައެވެ. ހިތައްއަރާގިނަ ކަންތައްތައް ހަގީގަތަށް ބަދަލުވާތަން ފެނުނެވެ. ވ.ޅަހުއްތުމެން މާރުޅިގަދަވެގެން ހަމައިންނެއްޓޭ ދުވަސް ދުވަހު، ތަހުގީގުޓީމުގެ ރުޅިމަޑު ކުރައްވާއި އެބޭފުޅުންގެ ހިތްތަކަށް މަޑުމައިތިރިކަން ވައްދައި ދެއްވުން، އެދި ދުޢާ ދެންނެވުމުމުން، ދެންފެންނަ ފަހަރުގައި ވަރަށް ހިތްހެޔޮކޮށް ހީހަދާއި ވާހަކަދައްކަވާފައި އެބަހުއްޓެވެ. އެއީ ވެސް ޖަލުގައި ކުރެވުނު ވަރުގަދަ ތަޖްރިބާއެކެވެ.
މިއިން އެނގިދަސްވީ އިންސާނާ އަކީ އަޖައިބެއް ފަދަ މަޚްލޫޤެއް ކަމެވެ. ވަށައިގެ ބާރު ތަކެއްވާ އަބަދަށް ދިރިދެމި ހުރި ރޫޙެއްކަމެވެ. ބޭރުފުށަށް މިފެންނަ އިންސާނާގެ ހަށިގަނޑަކީ، ﷲ މިދުނިޔެއަށް އިންސާނާ ހުރިހައި ގޮތަކަށް ފިޓުކުރެއްވުމަށް ލައްވާފައި ހެދުމެކެވެ. އެ ހެދުން ރޫޙުނެތުމުން ބޭކާރުވެ ދަނީއެވެ. ފީވެވެއްޔަށް ވެދަނީއެވެ.
މިސާލަކީ އެހެން ޕުލެނުޓުތަކަށް ދިއުމަށް ސައިންސުވެރިން އުފައްދާފައިވާ އެސްޓްރޯނޯޓުންގެ ލިބާހެވެ. އެލިބާހަކީ ސްޕޭހަށް ދަރުރުފަތުރު ކުރާ ތޮށިގަނޑެވެ. އިންސާނާ އައިއެކު ދެމަލާއިކަތުންނާއި ޝައިޠާނުގެ ތެރެއިންވާ އިބްލީސެއްކަމުގައިވާ، "ޤަރީން" އަކު އަބަދުވެސް ވެއެވެ. އިންސާނާގެ ހަށިގަނޑު ތެރޭގަޔާއި ލޭގައި ވެސް އެވެރިންނަށް ދިރިދެމި ތިބެވޭނެއެވެ. އެފަދަ ބާރެއް އެވެރިންނަށް ލައްވާފައިވެއެވެ. ހަމަ އެފަދައިން އިންސާނާގެ ރޫޙަކީ ވެސް އަޖައިބެއްފަދަ ބާރުވެރި ނޫރެއް ފަދަ، ނުފެންނަ ޣައިބީބާރެއް އެކުލެވޭ، ސްޕޭސްގެ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްހަދާ ދިރުމެކެވެ.
ގަދަނިދީގަޔާއި މަރުވުމުން ދަތުރުކޮށް އެހެން ޕްލެނެޓަކަށް، ނޫނީ މަލަކޫތީޢާލަމަކަށް، ނޫނީ، ﷲ ލެއްވިތާކަށް ދަރުރުކުރާ އެއްޗެކެވެ. އިންސާނާ ނިދިން ހޭލެވެނީ ރޫޙާ ހެދިއެވެ. އެއީ ވެސް ޕުލެނެޓުން އަނެއް ޕުލެނެޓަށް ދަތުރުކުރެވޭ ބާރެއް، ﷲ ލެއްވި ނޫރީ ދިރުމެކެވެ. ރޫޙާ ގުޅިގެން، ﷲ ދެއްވާފައި ވަނީ ވަރަށް މަދު ޢިލްމެކެވެ. ދުނިޔޭގައި މިހާތަނަށް، އަދި މިހާރުވެސް އެންމެ ވަރުގަދަ ވާނުވާގޮތް ނޭނގިގެން ކުރެވޭ އެންމެވަރުގަދަ އަދި މިހާތަނަށް ފުރިހަމަ ޖަވާބެއް ހޯދިފައި ނުވާ ސުވާލަކީ ރޫޙާއި ބެހޭ ސުވާލެވެ.
ޔަހޫދީންގެ އެންމެ ބޮޑެތި ޢިލްމުވެރިން ކީރިތިރަސޫލާ އައި ބައްދަލު ކުރައްވާއި ކުރެއްވި، 3 ސުވާލުގެ ތެރޭގައި ވެސް ރޫޙާ ގުޅޭ ސުވާލު އޮތެވެ. އަދި ޒުލްޤަރްނައިންގެފާނުގެ ފަލަކީ ދަތުރުފުޅުތަކާއި އަޞްޙާބުކަހަފު މީހުންގެ ސުވާލު ހިމެނުނެވެ. މިޒަމާނުގައި ވެސް ސައިންސުވެރިންގެ ކުރިމަތީގައި އޮތް އެންމެބޮޑު ސުވާލަކީ މިތިންކަމެވެ. އެހެންވެ ސާފުވެ އެނގެނީ މިތިންކަމުގެ ތެރޭގައި ހިމެނިފައިވާ ޣައިބީބާރުގެ ދިރުންތަކަކީ ވަންހަނާވެފައި ހުރި، ވުޖޫގައިވާ މަތިވެރި ބާރެއްކަމެވެ! އެއީ ރޫޙެވެ. ރޫޙާނީ ބާރެވެ. ﷲ ދެއްވާ ބާރެކެވެ. މިޒަމާނުގައި މިކިޔާ ވައިބްސްއެވެ. އެބާރު ލިބިގަނެ ވޭތޯ ކޮންމެ އިންސާނަކު ވެސް ބަލަންވީއެވެ!
އިލާހީފޮތުގެ ޢިލްމަށް ރުޖޫޢަވާންވީއެވެ. އެފޮތް ކަމުގައިވާ ޤުރްއާނަކީ މަތާރަމްމަތީ ފޮރުވާފައި ބާއްވަންވީ ފޮތަކަށް ނުހަދާށެވެ!! ކިޔަވާށެވެ. ޢަރަބިބަސް ދަސްކުރާށެވެ. އެފޮތުގެ ކޮންމެ ލަފުޒެއްގެ ޢަރަބި މާނަ އަމިއްލައަށް ހޯދާށެވެ. މިޒަމާނުގައި އެއީ ވަރަށްފަސޭހަ ކަމެކެވެ. އަދި އެ ލިބޭ މާނައަށް ފުންކޮށް ވިސްނާއި ތަދައްބުރު ކުރާށެވެ!! ދަންނަންވީ ކޮންމެ ތަރްޖަމާ އަކީ ކޮންމެވެސް މީހެއްގެ ބަސްކަމަށެވެ. ޤުރްއާން ނޫންކަމަށެވެ. ޤުރްއާން އެއޮތީ ޢަރަބިބަހުން ޢަރަބިކޮށެވެ. ކިޔާދަސް ކުރާށެވެ!!
މި ބާރަކީ ވަރަށް ރަނގަޅަށް ތަޖްރިބާކުރެވިފައި ހުރިކަމެކެވެ. މާލޭގައި ގޭތެރޭގައި ހިނގާބައެއް ކަންތައްވެސް ވަރަށް ތަފްސީލުކޮށް ހުވަފެނުން ފެނިފައި އެބަހުއްޓެވެ. އޭރު ފެންނަމުންދާ ގިނަހުވަފެންތަކުގެ ގިނަބައިތަކަކީ، އަޅުގަނޑަށް ގިނަފައިދާތަކެއް ކުރި ބައިތަކެވެ. ހިތްހަމަޖެހި މީހާގެ ސިޔާސީރޫޙު އަލާކޮށްދީ އަޒުމްވަރުގަދަ ކޮށްދޭ ހުވަފެންތައް ފެންނަމުން ދިޔައެވެ. މިއީ، ﷲ އަޅުގަނޑަށް ދައްކަވަމުން ގެންދެވި ސީދާމަގުކަމުގައި އަބަދުވެސް އަޅުގަނޑު ގަބޫލުކޮށް ހަށިގަނޑަށާއި ހިތާއި ސިނކުޑިއަށް ފިނިކަންގެނެސް ރޫޙާނީބާރު އެދުވަސްވަރު ގަދަކުރީމެވެ.
ގޮޅީގައިހުންނަނީ ވަރަށްއުފަލުގައި ހިތްހަމަ ޖެހިގެންނެވެ. އަބަދުވެސް ގައުމުގެ މުސްތަގުބަލް ފެންނަހެން ހީވާކަހަލައެވެ. އެންމެބޮޑަށް ހަނދާނުގައި ހުންނަ ހުވަފެނަކީ، ސިޔާސީބޮޑުންނާއެކު އަޅުގަނޑުމެން އެންމެން ތިބެގެން މާލެ ވިލިގިލި ބިތުގެ ފާލަން، ވަރަށް ކުލަގަދަކޮށް އަޅުގަނޑު ހުޅުވައިދޭ މަންޒަރެވެ. ކުރިމަގުގައި މިކަން ފުއްދަވައި ދެއްވުން އޮތީ، ﷲގެ ކުޅަދުންވަންތަ އަތްޕުޅު މަތީގައެވެ. ﷲ މިކަން ފަހި ކޮށް ދެއްވާށިއެވެ. އާމީން!
7 ފެބްރުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 47 ވަނަދުވަހެވެ. ހެނދުނު ސައިބޮއި ނިމުނު ތަނާހެން، ސުލައިމާނު ސަރުދާރު ގޮޅިއަށް ކަރުދާހާއި ގަލަމަކާއި ސިޓީއުރައެއް ހިއްޕަވައިގެން ދުރުވެ، ޑިފެންސް މިނިސްޓްރީއަށް އިލްޔާސް ބޭނުންވެލައްވާ ކަންތަކަށް އެދި ސިޓީލިޔާށޭ ވިދާޅުވެ މިތަކެތި އަޅުގަނޑު އަތަށްދީފައި ދުރުވެއްޖެއެވެ. މިއީ ކުޑަގޮޅީގައި ފުރަތަމަފަހަރަށް ގަލަމެއް އަތުޖެހުނު ހިނދުކޮޅެވެ. ސިޓީއުރައަކާއި ތިންގަނޑު ގެނެސްދީފައި އޮތެވެ.
ދެން އަޅުގަނޑު ފުރަތަމަވެސް އަވަސްވެގަތީ، މޮހޮރުން އެކި ތަކެތީގައި ނޯޓްކޮށްފައި ހުރި މުހިންމު ތާރީޚްތަކާއި ވާހަކަތައް ވީހާ ކުރުކޮށް ހަނދާން ހުންނާނެ ގޮތަށް އަވަހަށް ގަލަންކޮށް، ދެއްޔަށް ބަދަލުކުރާށެވެ. މިގޮތުން ކުރިން މޮހޮރުން ކަނޑާނަގައިގެން ސައިބޯނި ހުސްކުރި ކަރުދާސް ކޮޅުތަކާއި ފަތްފަތުގައި ލިޔެފައި ހުރި ތަކެތި ދެލިކޮށް ނިންމާލީއެވެ. މިހާ ހިސާބުން ހިކިފައި ހުރިފަތްތައް ނައްތާލާއި ސައިބޯނި ހުސްކުރި ކަރުދާހަށް ހުރިހާ ލިޔުންތައް ދެލިކޮށް ބަދަލުވީއެވެ.
ސުލައިމާނު ސަރުދާރު ގެނެސްދިން ތިންސޮފުހާއިން އެއްސޮފްހާ ސިޓީއަށް ބޭނުންކޮށްފައި ބާކީވި ދެގަނޑު ސިޓީއާއެކުގައި އޭނާއަތަށް އަނބުރާ ދިނީއެވެ. ޑިފެންސަށް ސިޓީލިޔުނީ ނޯޓްކުރަން ހުރި މުހިންމުބައިތައް ނޯޓްކޮށް ނިމުމުންނެވެ. ސިޓީގައި ލިޔުނީ، 15 މިނެޓްމޫދަށް އެރުމަށާއި 15 މެނެޓް ހާމަ ވައިގެތެރޭގައި އަތިރިމަތީގައި ކަސްރަތުކޮށް ލުމަށް ވަގުތުކޮޅެއް ޚާއްސަކޮށް ދެއްވުން އެދި ކުރުކުރު ސިޓީ އެކެވެ.
މެންދުރު ކާންދޭން ސުލައިމާނު ސަރުދާރު ދުރުވުމުން އެސިޓީއާއި ގަލަމާއި ބާކީވި ދެގަނޑު އޭނާއަތަށް ދިނުމުން ގަނޑުތަކަށް ބަލާލައިފާ އެއްޗެކޭ ނުބުނުއްވާ ގެންދަވައިފިއެވެ. އޭނާއަށް ވަރަށް ފަސޭހައިން އެއްގަނޑުގެ ސިޓީއެއްކަން ކަށަވަރު ކުރެވިއްޖެއެވެ. ދެންވާނީ ކިހިނެއްތޯ ސުލައިމާނު ގާތުގައި އަހާލުމުން ޑިފެންސުން ޖަވާބެއް ދެއްވަންދެން ޖެހޭނީ މަޑުކުރާށޭ ބުނުއްވިއެވެ. 30 މިނެޓްގެ މިވަގުތުކޮޅު ބޭނުންވާ ސަބަބަކަށް ލިޔުނީ، ކަސްރަތުނުކޮށް ގައިގާސާފު ފެންފޮދެއް އަދި މޫދުގެ ލޮނުފޮދެއް ނުޖެހޭތާ ގިނަދުވަސް ވެފައިވާތީ، ހުޅުހުޅުގައި ރިއްސާއި ބުރަހެލިވާގޮތްވެ، މުޅިހަށިގަނޑުގެ އެތަންމިތަނަށް ތަދުވާތީ މިކަންތައް ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދިއެވެ.
އަދި މިއަދާހަމައަށް ވެސް ފެންވެރެނީ ކޮންމެ ހުކުރު ދުވަހެއްގައި ކަމަށް ސިޓީގައި ފާހަގަކޮށްލީމެވެ. ދެން ދުވަސްގުނުމާއި ބަކަރިކޮށީގެ މަޖާތައްބެލުމާއި އުޑުގެ ވިލާތަކަށް ބެލުމުގައި ގޮޅީގައި ހުންނަނީއެވެ. މިހާރު ގޮޅީތެރޭގެ ތަންތަނަށްއަރާއި އިތުރުތަންތަންބަލާ ހަދަމެވެ. ގޮޅީގައި އަޅާފައި ހުރި ލޯވަޅުތަކުން ބަރާބަރަށް ދޫނިދޫގެ އެހިސާބުން ފެންނަތަންތަން މޮނިޓަރކޮށް ގިނައިން ބަލާހަދަމެވެ.
ބަލަން ބޭނުން ނޫންލޯވަޅުތައް ސައިބޯނިޖަހާއި ބަނދު ކޮށްފީމެވެ. ފަހަރުގައި ގިނަލޯވަޅުތަކެއް ހުރުމުން ބޭރަށް ފެނިދާނެތީއެވެ. އަދި އަބަދުވެސް ކޮންމެ ދުވަހަކުހެން ޖަލުގެ ޔައުމިއްޔާއަށް ބޭނުންވާނެ މުހިންމު ނުކުތާތައް ކުރުކޮށް ހަނދާންވާ ގޮތަށް ނޯޓްކުރަމެވެ. މިއަދު މިހާ ތަފްސީލުކޮށް ޖަލުގެވާހަކަތައް ކިޔުންތެރީންނަށް މި ގެނެސް ދެވެނީ އެހެންވެއެވެ.
14 ފެބްރުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 54 ވަނަދުވަހެވެ. މިއަދު މެންދުރުކުރިން ގޮޅިންނެރުނެވެ. ގެންގޮސް ބޭންދީ، ވ.ޅަހުއްތުއާއި މޯރާތައުފީގު ކުރިމަތީގައެވެ. ވިދާޅުވީ، އިލްޔާސް މިގެނެވުނީ މިނިސްޓްރީ އޮފް ޑިފެންސަށް އިލްޔާސް ލައްވާފައިވާ ސިޓީއަށް، ޑިފެންސުން ދެއްވިޖަވާބު ބުނެދޭށެވެ. މިހާރު މިއޮތީ، މިއަދުން ފެށިގެން އިލްޔާސް އެދިލެއްވިގޮތަށް އެދިލެއްވި ކަންތައްތައް ހަމަޖެހިފައެވެ.
މިހާރު ވާނީ، ސުލައިމާނު ސަރުދާރަށް މިކަންތައް ހަމަޖައްސައި ދިނުމަށް އަންގާފައެވެ. އަދި އަޅުގަނޑުގެ ކުރިމަތީގައި ވެސް ޑިފެންސުން ހުއްދަދެއްވި ކަންތައްތައް އިލްޔާސްއަށް ކޮށްދިނުމަށް ސުލައިމާނަށް އެބޭފުޅުން އެންގެވިއެވެ. މިއަދު މި ޓީމުން، ކުރެއްވިހާ ވެސް ކަމަކީ މިއެވެ. މާގިނަ އިތުރު ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑު ގެންގޮސް ހުރިގޮޅިއަށް ލައިފިއެވެ. ބަރާބަރު މީގެ ދެދުވަސް ފަހުން، 16 ފެބްރުވަރީ 1991 ވީހޮނިހިރު ދުވަހު ސުލައިމާނު ދުރުވެ ގޮޅި ހުޅުވައިގެން އަޅުގަނޑު ނެރެ، ގަވާއިދުން މޫދަށް ގެންދަން ފައްޓަވައިފިއެވެ.
އެހެނަސް ކަސްރަތު ކުރުމަށްދެއްވި، 15 މިނެޓް ސުލައިމާނަށް ވަގުތުނެތިގެންނޭ ކިޔުއްވާފައި ނުދިނެވެ. އެހެނަސް މޫދުގައި، 20 މިނެޓްވަރު ފުރަތަމަ ދުވަހުވެސް ވިއެވެ. ސުލައިމާނު އެބައި އަމިއްލައަކަށް އެޖެސްޓުކޮށް ލެއްވީއެވެ. މިއަދަކީ ވަރަށް ހިތްހަމަ ޖެހުންލިބުނު ދުވަހެކެވެ. މޫދުތެރޭގައި ކަސްރަތުކޮށްލާއި އެކިގޮތްގޮތަށް ފަތާލާއި މަސްތަކާއި މަޖާކޮށްލައި ހަދާލަން ލިބުނު ފުރަތަމަ ދުވަހެކެވެ. ވަރަށްގިނައިން ގައިއުނގުޅާއި ދެއަތްގޮށިން ލޮނުނަގައި ނޭފަތުގައި ޖައްސައިގެން އެތެރެއަށް ދަމާލާ ލޮނުން ނޭފަތް ސާފުކޮށް ވީހާގިނައިރަކު ފައިނުޖައްސާ މޫދުތެރޭގައި ފެނުންމައްޗަށް ނޭވާލެވޭގޮތަށް ބޯ ބަހައްޓައިގެން ތެޅިތެޅިއުޅެވޭތޯ ބެލީމެވެ.
ރޯމަސްކެއުން:
ބައެއްދުވަސް ދުވަހު މޫދުގައި، 30 މެނެޓްވަރުވެސް ވެއެވެ. މަދުފަހަރެއްގައި އެއަށްވުރެވެސް ނިގައިރުވެއެވެ. ރޮލާއި ދިރޭމަސް ކާން ދަސްވީ މިދުވަސްވަރު މޫދުތެރޭގައި އެހެން އުޅުމުގައެވެ. ރާބުޅާފަދަ ކުދިމަސް ހިފައިގެން ހުރިގޮތަށް މޫދުލޮނާއެކު ކައިހަދަން ފަށައިފީމެވެ. ވަރަށް މަޖަލެވެ. ކުދި ރާބުޅާ ބޮލުންފަށާގޮތަށް އެއްކޮށް ކާލައި ހުސްކޮށްލެވެއެވެ. މޫދުތެރޭގައި ވުމުން ކަމުންދާވަރަކަށް ދަނީ މޫދުލޮނުން ސާފުވަމުންނެވެ. ދޮވެ ވެމުންނެވެ. ފަހުން އައިސް ވަރަށް މީރު ވެސް ވެއްޖެއެވެ. އެއްދުވަހަކު ފެނުނު ކުޑަބޯވައެއް ވެސް އަތުލައިގަނެގެން ރޮލައި ކާލީމެވެ. އޭގެ ދެ ދަތް ގޮޅިއަށް ގެނެސް ގެންގުޅުނީމެވެ. ސަޢުދި ޢަރަބިޔާގައި އުޅުނުއިރު ރޮލައި ޖަމަލު، ގެރި، އަދި ބަކަރީގެ މެޔާއި ލަނގޮޑި ހުރީ ކާންދަސް ވެފައެވެ. އެހެން ވުމުން މިކަން ވީ އާދައަކަށެވެ.
ކަތިލާގޮތަށް ނަގައިގެން ވިންދުޖަހަނިކޮށް އޭރު ކާލައި ހަދަމެވެ. ކޭންޕުތަކުގައި އުޅޭ އިރު ބަކަރިފަދަ ޖަނަވާރުތައް ކަތިލާހަދަނީ ވެސް އަމިއްލައަށެވެ. އަޅުގަނޑެވެ. އަދި ހައްޖުގެ އަޅުކަމުގައި ގެރި، ޖަމަލު، ބަކަރި ކަތިލާ ހެދީމެވެ. އެހެންވުމާ އެކު ރޮލައި ކުދިމަސް ކާލުމަކީ އަޅުގަނޑަށް އުދަގުކަމެއް ނޫނެވެ. މީރު އެއްޗެކަށް ވަނީ ވެފައެވެ.

މިނިސްޓްރީ އޮފު އޮޓޮލްސްގައި އުޅުނުއިރު އަތޮޅުތެރެއަށް ރަސްމީދަތުރުގައި ގޮސް ކިޔޮޅުކަމުގައި އުޅޭ އިރު ބޭނޭކުދިމަސް ރޮލައި ކާތަން ފެނިގެން ދޯނިމަތީގައި ބައެއް މީހުން ހޮޑުލާހަދާފައި ވެއެވެ. ޚާއްސަކޮށް ޅ.އަތޮޅުދޯނީގައި ކެޕްޓަނަކަށް އޭރު އުޅުއްވި މީހަކު މިހާރު ފެނުނަސް އަޅުގަނޑަށް ކިޔާއުޅެނީ ރޯމަސްކާމީހާ އެވެ. އެޓޮލްސް އަށް އޭނާ ދަތުރުވަރުގައި މާލެއައިސް ވަންނަ ކޮންމެ ފަހަކު ރޯމަސްކާމީހާ ކޮބައިހޭ ކިޔާފައި އަހުރެން ހޯދާއި ބައްދަލުކުރާނެއެވެ.
މި ކެޕްޓަން ދުއްވި ދޯނި ވަނީ ކަނޑުމަތިއަޅާއި ގަދައިގާ ޖެހި ދޮރުކަނޑުގެ ތޮށިގަނޑުމައްޗަށް ބާރުސްޕީޑުގައި ގޮސްއަރައި އުރި ރޫޅިގެންގޮސް ހަލާކުވެ ނިމިގޮސް ފައެވެ. މިކަން ހިނގީ ކިޔޮޅުކަމު ދިޔަ އަހުރެމެންގެ ލޯމަތީގައެވެ. މިއީ އަހުރެން މިނިސްޓަރު އަބްދުއްރަޝީދު ހުސައިން އަރިހުގައި، ބ.އަތޮޅު އޭދަފުށީގައި ތިބި ރެއެއްގައި ކިޔޮޅުކަމު ގޮސް އުޅުނު ރެއެއްގައެވެ. ބ.އަތޮޅުގައި ފެހެންދޫ، ފޭދޫ، ގޮއިދޫ ފަޅާ ދިމާއިން ބޭރު ފަރުމައްޗަށް އަރާއި ދޮރުކަނޑުގައި ދިމާވި ކާރިޘާއެއްގައެވެ. މި ދަތުރުގެ ވާހަކަ ވެސް އަހުރެން ލިޔެފައި ވާނެއެވެ!
އާދެ! ސުލައިމާނު ހަމަޖެއްސެވީ، ހަފްތާއަކު، 3 ދުވަހުމޫދަށް ނެރޭގޮތަށެވެ. މިގޮތަށް ހަމަޖެއްސީ އަޅުގަނޑު ވެސް އެއްބަސް ވެގެންނެވެ. މީގެފަހުން ބަރާބަރަށް ހަފްތާއަކު، 3 ދުވަހުމޫދަށް އެރުވައެވެ. މޫދަށްއެރި ނިމުމުން، ގިފިއްޔަށް ގެންގޮސް ފެންވަރުވައެވެ. ފުރަތަމަ ދުވަހު ފެންވަރާ ނިމިގެން ގޮޅިއަށްލާފައި ސުލައިމާނު، އަޅުގަނޑުއަތަށް ކުޑަވަރެއްގެ ފުޅިއެއްދީފައި ބުނުއްވީ މޫދުންއައިސް ގައިގާ މިފުޅިންތިޔޮ ވަށާށެވެ. އޭރުން ވަރަށް ރަނގަޅުވާނެއެވެ.
އަޅުގަނޑު މިއީ ކޮންކަހަލަ ތެލެއްތޯ ވަސްގަނެ ބަލައިލުމުން މިއީ ޒައިތޫނިތިޔޮކަން ކަށަވަރުވިއެވެ. އަޅުގަނޑު ވިސްނާލުމުން ކަށަވަރު ކުރެވުނީ، ސުލައިމާނު ތިޔޮފޮދެއް މިގެނެސް ދިނީ، ބިޑިއެޅުވުމުގެ ސަބަބުން ހަށިގަނޑުގައި ކަޅުވެ ކުރަމަގާލި ވައްތަރުވެފައި ހުރި ތަންތަން އަލިކުރުމަށް ކުރެއްވި ކަމަކަށެވެ. މޫދަށްއެރޭތާ ހައެއްކަދުވަސް ކޮށްފައި އެއްދުވަހަކު ސުލައިމާނު ބުނުއްވައިފިއެވެ. އިލްޔާސްގެ ދެއަތުގައި ކަޅުވެފައި ހުރި ތަންތަން މިހާރު އެބަ އަލިވޭނޫން ތޯއެވެ. އަދި ތިޔޮކޮޅު ހުސް ނުވޭތޯއެވެ؟
އަދި ނުވާކަމަށް ދެންނެވީމާވެސް އަނެއް ދުވަހު ކުޑަސައިޒުގެ ޒައިތޫނި ތިޔޮ ފުޅިއެއް ސުލައިމާނު ސަރުދާރު، އަޅުގަނޑަށް ގެނެސް ދެއްވިއެވެ. ސުލައިމާނު ބުނުއްވިހެން މިތެލުގެ ސަބަބުން ވަރަށްއަވަހަށް ގައިގާހުރި ކަޅުތަންތަން އަލިވެ ސާފު ވެއްޖެއެވެ. މޫދަށްއެރިފައި އައިސްގައިގައި ޒައިތޫނިތެޔޮ ވަށަންފެށި ފަހުން ހަންގަޑަށާއި ބޮލަށް، އަދި ސިކުނޑިއަށް އަރާމުތަކެއް ލިބި ވަރަށް ފަސޭހަވާން ފަށައިފިއެވެ. ތާޒާކޮށް ހުންނަން ފަށައިފިއެވެ.
ސާފުތާޒާކަން މަތީގައި ހުރެވެންފެށީމާ ވަރަށްއުފާވެއެވެ. ފަހުން އައިސް ހަދާ ގޮތަކީ މޫދަށް ނެރުމުގެ ކުޑައިރުކޮޅެއް ކުރިން މުޅިގައިގައި ތިޔޮވަށައިގެ ކަސްރަތުކޮށްކޮށް ދާހިއްލުވައިގެން މޫދަށްދާން ތައްޔާރު ވަނީއެވެ. ސުލައިމާނު ސަރުދާރަށް މިކަންވެސް ވަނީ ވަރަށް މަޖާ ކަމަކަށެވެ. ބަރާބަރަށް ހުސްވިޔަ ނުދީ ޒައިތޫނި ތިޔޮ ސުލައިމާނު ގެނެސް ދެއްވައެވެ!
ތެޔޮ ހާކާތީ އަބަދުވެސް ހުރެވެނީ، ގައިގައި ހުންނަ އިސްތަށިތައް ރީތިކޮށްލަ ކޮށްލައެވެ. އަޅުގަނޑު ގައިގާވެށުމަށް، ސުލައިމާނު ސަރުދާރު ޒައިތޫނިތިޔޮ މިގެނެސްދެނީ ޝަރީޢަތަށް މާލެ ގެންދަން ފަށަންވާއިރަށް އަޅުގަނޑު ގައިގައި ހުރި ލަކުނުތައް ސާފުކުރަންކަން ފަހުން ވިސްނުނެވެ. ދެން ގޮޅިގައި އިތުރަށް ކުރާކަމަކީ، ބަކަރިކޮށީގައި އުޅޭބަކަރިތަކުގެ ހަރަކާތްތައް ބެލުމެވެ. އުޑަށް ބަލާއި ޤުދްރަތަށް ނަޒަރުކޮށް ވިސްނުމެވެ. ދެން ދުވަސްގުނުމެވެ.
ދުވަސްގުނަނީ ކުނަލުންނެގި ވަކަގަނޑެއްގައި ގޮށްޖަހައި ގެންނެވެ. މިހާރުވެސް ގޮށްޖެހި ވަކަގަނޑު އަޅުގަނޑު އަތުގައި ބާއްވާފައި އޮންނާނެއެވެ. ކަލަންޑަރަކީ ވެސް ތަސްބީހަ އަކީވެސް އެއީއެވެ. އެއިން ވަރަށް ގިނަބޭނުން ހިފުނެވެ. އެވަކަފަތި ފޮޓޯގައި އެވަނީއެވެ. ގޮޅީގައި ހުރި ލޯވަޅުތަކުން ދޫނިދޫގެ އެހިސާބުގަނޑު ބަރާބަރަށް ބަލާއިމޮނިޓަރ ކުރަމެވެ. ކިޔެވުމާއި ނަމާދުކުރުމުގައި ގިނަވަގުތުހޭދަ ކުރަމުން ގެންދަނީއެވެ. އެނޫން ކަންތަކެއް ނުކުރަމެވެ.

11 މާޗް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 79 ވަނަދުވަހެވެ. މިއަދު ހެދުނު ސައިދިނުމަށް ފަހު، ކުޑައިރުކޮޅެއް ފަހުން، 8:30 އެހާ ކަންހާއިރު ސުލައިމާނު ސަރުދާރުދުރުވެ، ބުނުއްވައިފިއެވެ. އިލްޔާސް، މާލެދާން އެބަ ޖެހެއެވެ. 9:30 އަށް، ތަންޔާރުވެގެން ހުންނަވާށެވެ. އެއްގޮތަކަށް ވެސް، އަހާއަހާވެސް ވަކިކަމެއް ނުބުންޏެވެ. ސުލައިމާނު އެންގެވީ، ތައްޔާރުވެގެން ހުރުމަށެވެ. ބަރާބަރު، 9:30 ގައި ސުލައިމާނު ދުރުވެގޮޅިން ނެރެގެން ގެންގޮސް އެރުވީ، މާލެދާން ތައްޔާރު ކޮށްފައިއޮތް ލޯންޗަކަށެވެ. މާލެ ގެންގޮސް ވެއްދީ މޭނާޖަލަށެވެ.
ޖަލުންކޯޓަށް ގެންދިއުން:
މިއީ އޯކިޑްމަގުގައި ހުންނަ ގައުމީހޮޓާބިއްދަށުގައި ހުންނަ އެކިކަންކަމުގައި މާލެގެންނަ ކުށްވެރިން ބައިތިއްބުމަށް، ހަދާފައިހުންނަ ކުޑަވަރެއްގެ ވަގުތީޖަލެކެވެ. މާލޭގައި ހުންނަވަގުތު ކާންދެނީވެސް މިތަނުންނެވެ. އަލިހޮއްކޮ އޭކިޔާ ވަރަށްމުސްކުޅި ބޭކަލަކު، މިތާނގައި ތިބޭ މީހުންނަށް ކާންދީހަދަން ހުރެއެވެ. އިރުކޮޅަކު މިތާގައި ބައިންދާލާފައި ގެންގޮސް އެރުވީ ސަފައިންގެ ބަހަކަށެވެ. މިބަސްދުއްވަމުން ދިޔައީ އަތޮޅުފިހާރަތަކާ ދިމާއަށްކަމުން މިގެންދަނީ، ކޯޓަށްކަން ކަށަވަރު ވެއްޖެއެވެ. ބަސްމަޑުކޮށްލީ، ކޯޓްނަންބަރު، 6 ގެކުރިމައްޗަށެވެ.
ސިފައިންގެ މީހަކު، އަޅުގަނޑު ގެންގޮސް އެތެރެއަށް ވައްދާއި ކޯޓްތެރޭގައި ހުރިއަދުރާދަ ގޮނޑިއެއްގައި ބައިންދައިފިއެވެ. އޭނާ އަޅުގަނޑު ކައިރީގައި ކޮޅަށް ހުއްޓިހުރީއެވެ. އިރުކޮޅަކަށް ފަހު، މި ސިފައިންގެ އޮފިސަރު ފޫހިވެގެން ހުންނަނީ، ކޯޓުންބޭރަށް ނުކުމެ ދޮރުމަތީގައެވެ. މިއަށްފަހު އަޅުގަނޑަށް ކޯޓްތެރެއިން ފެންނަކޮންމެ މީހަކާވާހަކަ ދައްކަން ފަށައިފީމެވެ. އެމީހުންވެސް ދައްކައެވެ. ގެއަށް، ޖަވާހިރުވާދީއަށް އަޅުގަނޑު މިތާނގައި އިންވާހަކަ އަންގާލަދިނުމަށް ވާހަކަދެއްކި ކޮންމެ މީހަކު ކައިރީގައި އެދުނީމެވެ.
މިއަދު މިގެނައީ، ބަންދުގެ ކުރިން ހިންގާފައި އޮތް، އިލްޔާސްއާއި ސަޓޯގެ މަޝްހޫރު ކެސެޓްރޯލްގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި ސޮއިކުރުވާށެވެ. އަޅުގަނޑު ބަންދު ކުރުމުގެ ކުރިންވަނީ މިކަމުގެ ޝަރީއަތް އެއްދުވަހު ބާއްވާފައެވެ. އަޅުގަނޑަށް ކޯޓުން ދެއްކި ލިޔުން ކިޔާލުމަށް ފަހު، ހިތަށްއެރީ އެލިޔުމުގައި ސޮއިކުރުމާ ދެކޮޅުހެދުމަށެވެ. މިބަޔާނުގައި ސޮއިނުކުރާނެ ކަމަށް ދެތިންފަހަރު ގަދައަޅާ ބުނުމުން، ކުޑަކޮށް ގާޒީވާހަކަ ދައްކާލެއްވުމަށް ފަހު، ތިރިޔަށް ގެނެސް ކުރިންއިން ގޮނޑީގައި ބައިންދައިފިއެވެ.
އަޅުގަނޑު ސޮއިނުކުރުމަށް ގަދަހަދާލީ، މިމައްސަލައާގުޅޭ އަނެއްޚަސްމު ކަމުގައިވާ، އެންދެރިމާގޭ އިލްޔާސް ހާޒިރުނުކޮށް ނުދެނީސް ސޮއިނުކުރާނެ ކަމަށްބުނެ ހުއްޖަތު ދައްކަމުންނެވެ. ސަޓޯ ގާނޫނީ ބަންދެއްގައި ދޫނިދޫގައި ހުންނަވަނިކޮށް ފޯނުން ވާހަކަދެއްކެވި، އެންދެރިމާގެ އަލްފާޟިލް އިލްޔާސް އިބްރާހީމް، މިކޯޓަށް، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް، މިއީ އޭނާގެ އަޑުތޯ ނޫންތޯ ބެއްލެވުމުން ނޫނީ ސޮއި ނުކުރާނަމޭ ދަންނަވައި ފީމެވެ.
މިއީއޭނާ ފޯނަކުން ދައްކަވާފައިވާ ވާހަކަތަކެއްކަން، ގާޒީގެ ކުރިފުޅުމަތީގައި އޭނާއެއްބަސްވެ، އިޢްތިރާފް ވެލެއްވުމުން ނޫނީ، މިއީ ފޯނުކޯލެއް އަޑުއެހުން ކަމަކަށް އަޅުގަނޑު ސޮއި ނުކުރާ ނަމޭބުނެ، ސޮއިކުރުމަށް ދެވަނަ ފަހަރުވެސް އަނެއްކާ އިންކާރު ކޮށްފީމެވެ. ގާޒީއަށް ވެސް މިއީ ފޯނުކޯލެއް އަޑުހުންކަން ކަށަވަރު ވާނީ އޭރުންނޫތޯ ގަދައަށް ބުނެހެދީމެވެ!
ގާޒީއާ މިއަރާރުންވާން ބައިގަޑިއެއްހާ އިރު ހޭދަކުރުމުން އަނެއްކާވެސް ގެނެސްތިރީގައި ހަމަ އެގޮނޑީގައި ބޭންދީއެވެ. މިފަހަރު ފޮނުވާލައްވަމުން ގާޒީވިދާޅުވީ މިފޮނުވަނީ، 10 ވަރަކަށް މިނެޓްވަރު އިލްޔާސް ވިސްނާލެއްވުމަށެވެ. އޭރުން ފަހަރުގައި އިލްޔާސްގެ ވިސްނުން ބަދަލު ވެދާނެއެވެ.
މިފަހަރު އަޅުގަނޑު މައްޗަށްނާރުވާއި ގާޒީތިރިއަށް ވަޑައިގެން ތިރީގައި ހުރި ކޮޓަރިއަކަށް އަޅުގަނޑު ވެއްދުމަށް ފަހު، ވިދާޅުވަނީ ސޮއިކޮށް ލެއްވީމާ މިހާހިސާބުން މިމައްސަލަ ނިމުނީއެވެ. ފެށިފައިއޮތް މައްސަލައަކަށް ވާތީ، ނިންމާލެވޭނީ މިބަޔާނުގައި އިލްޔާސް ސޮއިކުރުމުން ކަމަށް ތަކުރާރުކޮށް ގާޒީ ވިދާޅުވުމުން އަޅުގަނޑު ހިތަށްއެރީ، ދެންވީ އަވަހަށް ސޮއިކޮށްލާށެވެ. ގާޒީ ބޭނުންފުޅު މިވަނީ މިކަން ކޯޓުން ބޭރުކޮށްލާއި ނިންމާލައްވާށެވެ.
އޭރުން ދެން މިކަމުގައޭ ކިޔާފައި އިތުރަށް މިކޯޓަކަށް ނުގެންނާނެތާއެވެ. ގާޒީމިގޮތަށް ގިނަވާހަކަތަކެއް ދެއްކެވެމުން އަޅުގަނޑު އެބަޔާނުގައި ސޮއިކުރާނެކަމަށް ދަންނަވައި ފީމެވެ. މިއަށްވުރެ މާ ބޮޑެތި މައްސަލަތައް ކުރިމަތީގައި ފުނިޖެހިފައި ހުރުމުން، ކެސެޓްރޯލްގެ ބަޔާނުގައި ސޮއިކުރުމަށް އަޅުގަނޑު، އަޒުމްކަނޑައަލައި ނިންމީއެވެ. ދެން އިރިކޮޅެއްގެ ތެރޭގައި މައްޗަށް އަރުވާފައި އެބަޔާން ދިނުމުން ސޮއިކޮށް ލައިފީމެވެ. މިހާ ހިސާބުން މިއަދުގެބައި ނިމުނީއެވެ. އަދ އެ މައްސަލަވެސް ނިމުނީއެވެ!
ހަގީގަތުގައި މި ކަންކުރުމުގެ އަނެއްބޭނުމަކީ ކޯޓުގައި ގިނައިރު ކޮށްގެން، މާލެތެރޭގައި މިވާހަކަ ދެއްކުމާއި މާލެ ގެނެސްގެން އުޅޭކަން ގޭގެ މީހުންނަށް އެންގުމަށެވެ. އިރުކޮޅެއް ނުވަނީސް ސިފައިންގެ ބޭފުޅާދުރުވެ އަޅުގަނޑު ކޯޓުން ނެރެފިއެވެ. ކޯޓުން ނެރުނު އިރު ކޯޓުގެ ބޮޑުދޮރު ކުރިމަތިން، ދޮންދައްތަ (ޖަވާހިރުވާދީ އިލްހާމް ހުސައިން) އާއި ތ.އޮމަދޫ ނަސީރުބެ (ތިމާގެބޭފުޅެއް) އައި ބައްދަލުވެއްޖެއެވެ. މިވެރިން އައިސް މިތިބީ ކޯޓުގެ ކުއްޖަކު ފޯނުކޮށްފައި ދޮންދައްތަ ކައިރީގައި އަޅުގަނޑުގެނައި ވާހަކަބުނުމުން އަޅުގަނޑާ ބައްދަލުކުރާށެވެ. ނުވަތަ އަޅުގަނޑު ފެނޭތޯއެވެ. ނަސީބު ރަނގަޅުކަމުން ދިމާވީއެވެ. ވާހަކަވެސް ދެކެވުނީއެވެ. ކޯޓުގައި ލަސްކުރުންވީ ނަސީގަކަށެވެ!
ދޮންދައްތަ ފެނި ހަތަރުކަޅި ހަމަވުމުން ފުރަތަމަވެސް ބައްދާލާފައި ސަލާމްކޮށް ލެވުނީއެވެ. ވަރަށް އުފާވިއެވެ. ސިފައިންގެ ބޭފުޅާ ވަރަށް ތައްކަތެވެ. ވާހަކަ ނުދައްކާށޭ މަޑުމަޑުން ބުނެލިއެވެ. އޭރު އޮތީ ބުނަންޖެހޭ މުހިންމު ވާހަކަތަކުގެ މެސެޖްތައް ދެވިފައެވެ. ބައްދައިގެން ހުރި ވަގުތުގައެވެ. ދިމާވިގޮތުން އެހިސާބުގެ ޓްރެފިކުގެ ގޮތުން، ބާޒާރުމައްޗަށް ވާތީ ސިފައިންގެ ބަސް ކައިރި ނުކުރެވިގެން ވަގުތުކޮޅެއް ވެސް ލިބުނީއެވެ.
ދޮންދައްތަގެ ފަރާތުން، ވަހީދުބޭ ރާއްޖެއިންބޭރަށް ފުރުއްވައިފި ޚަބަރު ލިބުނެވެ. މާމަގެ ބަލިހާލުގެ ވާހަކަ ކިޔައި ދިނެވެ. ދެން ބަހަށް އަރުވައިގެން ގެނެސް ބޭލީ ސީދާލޯންޗަށެވެ. ދޫނިދޫއަށް ގެންގޮސް ވެއްދީ، ކުރިން ވެސް ހަމަ ހުރި ގޮޅިކަމުގައިވާ، 30 ނަންބަރު ގޮޅިއަށެވެ. ދޫނިދޫއަށް އާދެވުނީ، 1:45 އެހާކަންހާ އިރުއެވެ. 30 ނަންބަރަކީ ލޯބިޖެހިފައިވާ އަހުރެންގެ ހޮހޮޅައެވެ. ރިޓްރީޓް ވުމެވެ. އެނބުރި އައުމެވެ. ތާޒާވުމެވެ.
ގޮޅިއަށް ގެންދިޔައިރު މިއަދަކީ، ދޫނިދޫގައި ތަހުގީގުޓީމު އައިސްގެން އުޅޭދުވަހެއްކަން އެނގުނެވެ. ގޮޅިއަށް ވެއްދިތާ މާގިނައިރެއް ނުވަނީސް ތަހުގީގުޓީމު ތިބި ތަނަށް އަޅުގަނޑު ނެރެގެން ގެންގޮސްފިއެވެ. ވ.ޅަހުއްތާއި މޯރާތައުފީގާއި މުހަންމަދު އިބްރާހީމް އިންނެވިއެވެ. މިގެނެވުނީ، އިލްޔާސް ސަޓޯގެ ކެސެޓްރޯލާ ބެހޭގޮތުން ސުވާލުކޮށް ލުމަށްކަމަށް ބުނުއްވައިފިއެވެ. ކުރިން، އިލްޔާސް ދީފައިވާ މައުލޫމާތަކީ ތަހުގީގަށް ދީފައިވާދޮގު މައުލޫމާތެއްކަމަށް ލިޔުއްވާފައި ފަހުން އަޅުގަނޑަށް އެކެސެޓްރޯލް ލިބުނީ، އެއްބަނޑުއެއްބަފާ ކޮއްކޮ ހަންދު އަތުންކަމަށް ލިޔުއްވައި މިގޮތަށް ބަޔާނެއްގައި ސޮއިކުރުވައިފިއެވެ. ސޮއި ކުރުވީ ރަފްބަޔާނެއްގައެވެ.
މިބަޔާން ނިންމާލަމުން، އެނގިހުރި މައުލޫމާތުތަކެއް ތަހުގީގަށް ނުދިނުމަކީ، ތަހުގީގަށްދޮގު މައުލޫމާތުދީ އޮޅުވާލުން ކަމުގައި ލިޔުއްވާފައި އޮތެވެ. ރަފްބަޔާނުގައި ސޮއިކުރުމުން ގެންގޮސްލީ ގޮޅިއަށެވެ. ހަވީރު، 5:30 ގައި އަނެއްކާ ބަލާއައިސް ނެރެގެން ތަހުގީގުޓީމުގެ މޭޒުދޮށަށް ގެންގޮސް ބައިންދައިފިއެވެ. މޯރާތައުފީގު ބުނުއްވީ، މިހާރު މިއޮއްތީ ރީތިކޮށްލިޔެ ހަތަރުކޮޕީ ހަދާފައެވެ. މިބަޔާނުގައި ސޮއިކޮށްލަން ވީއެވެ. މިނެރުނީ މިބަޔާނުގެ ކަންކަން ނިންމާލަން ވެގެންނެވެ. ކުޑަވަރެއްގެ ނިޔާއެއް ތައްޔާރުވީއެވެ.
އަޅުގަނޑު ކިޔާލުމަށް ފަހު، ހަތަރުކޮޕީގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަންތާގައި އިނގިލީގެ ނިޝާންޖަހާ ނިންމާލީމާ، ގޮޅިއަށް ގެންގޮސް ލައިފިއެވެ. މިކުރެއްވި ކަމަކީ، ކޮބައިކަން ރަނގަޅަށް އަޅުގަނޑަށް ވިސްނުނެވެ. ތަހުގީގުގެ މަޖިލީހުގައި ދޮގުހެދުމުން އެކަމާގުޅިގެން ހުކުމެއް އިއްވަންވެގެން ބަޔާނެއް ނިންމާލެއްވީކަން ރަނގަޅަށް އަޅުގަނޑަށް ވިސްނުނެވެ. މިއުޅެނީ މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ފޮނުވައިގެން ހުކުމެއް އިއްވަންކަން އެނގުނެވެ. ދެން އާދައިގެ މަތިން، 30 ނަންބަރު ގޮޅީގައި ރިޓްރީޓުގައި އޮންނަނީއެވެ.
އަޅުގަނޑު ގޮޅިއަށް ލުމަށް ފަހު، ގިނަ އިރެއްނުވެ ތަހުގީގުޓީމު ފުރައިފިކަން އަޅުގަނޑަށް ގޮޅީގައި ހުރި ލޯވަޅުތަކުން އެނގުނެވެ. މިލޯވަޅުތަކުން ބަލައިގެން ދޫނިދޫގެ އެހިސާބުގައި ހިނގާހުރިހާ ކަމެއް މޮނިޓަރކޮށް ފާރަލާހަދަމެވެ. މިއަދުގެ ވާހަކަތަކުން ރޯދަމަސް ވަރަށްކައިރި ވެފައިވާކަން އެނގުނެވެ. ގޮޅިއަށް ގެނައި މަގުމަތީގައި ސުލައިމާނު ކައިރިން، ރޯދަމަސް އަންނަނީ ކޮންއިރަކުންތޯ އަހާލުމުން އަނގައިން ނުބުންޏެވެ. ގޮޅީގައި ދުވަސްގުނަން އާދަކާދައިގެ މަތިން އޮންނަނީއެވެ.
13 މާޗް 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 81 ވަނަ ދުވަހެވެ. މިއަދުހަވީރު، 5:00 އެހާކަންހާއިރު، ސުލައިމާނު ސަރުދާރު ދުރުވެ އެންގެވީ، ހުރިހާއެއްޗިއްސާއެކު ގޮޅިންނުކުތުމަށެވެ. އަވަހަށް އަތުގައިހުރި މަދުއެތިކޮޅު އެއްކޮށްލައިގެން ނުކުތުމުން، އަޅުގަނޑު ގޮވައިގެން ގޮސް ވެއްދީ، ދޫނިދޫޖަލު ސަރަހއްދުގައި ސިމެންތިން ހަދާފައިހުރި ގޮޅިތަކުގެ، 15 ނަންބަރު ގޮޅިއަށެވެ. މިއީ ގޮޅިބަދަލު ކުރުމެކެވެ. އަނެއްކާވެސް ބޮޑުއިތުރުލުޔެއް ލިބުނީއެވެ. މާބޮޑުތަން ފަސޭހަވީއެވެ. ބަކަރިކޮށި ކައިރިން ރަސްމީޖަލު ތެރެއަށް ބަދަލުވީއެވެ.
ޓިނުގޮޅިން ސިމެންތި ގޮޅިއަކަށް ބަދަލުވީއެވެ. ކުރިންތިބީ އަނިޔާކުރުމަށް ވަގުތީގޮތުން ބަޔަކަށް ބޮޑުއަގު ދީގެން ހައްދާފައި ހުރި ޓިނުގޮޅި ތަކުގައެވެ. މިއަދުންފެށިގެން މިބަދަލުވެވުނީ ދޫނިދޫ ރަސްމީ ޖަލަށެވެ. މިފަހަރު ބަދަލުކުރި އިރު ސިމެންތިން ހަދާފައިހުރި މިގޮޅިތަކުގެ އެއްއަރިމަތީގައި ކޮންމެގޮޅިއެއްގައި ވެސް ގޮޅިތެރެއިން ވަދެވޭގޮތަށް، 4 ފޫޓު 4 ފޫޓުގެ ފާޚާނާބައެއް ސިމެންތިން ޝީޓުއަޅައިގެން ހަދާފައި އިސްކުރަކާއި ތިރިތައްޓެއް ބަހައްޓާފައި ހުއްޓެވެ. އަދި ބޮލާހިސާބުގައި ދަގަނޑުތޭރި ލައްވައިގެން ތިންފޫޓް ދެފޫޓްގެ އާންގައެއް ހަދާފައި ހުއްޓެވެ. މިއާންގައިގެ ބޭނުމަކީ ވައިވެއްދުމާއި ފާޚާނާތެރޭގައި މީހަކުއުޅެއްޏާ އުޅޭކަން ކަށަވަރު ކުރުމެވެ.
މި އިސްކުރުގައި ހުންނަނީ ދޫނިދޫވަޅުންލިބޭ ލޮނުފެނެވެ. ދުވަސްވުމުން މިވަޅު މިހާރު މިވަނީ ލޮނުވެފައެވެ. މިއީ ކުރިން ފެން ރަނގަޅު ވަޅެކެވެ. ފެންވެރުމަށް ކޮންމެދުވަހަކު ވެސް، 10 ލިޓަރުގެހަމެއް ގޮޅިއަށް ގެނެސްދެނީއެވެ. ބޯން ގެނެސްދެނީ، 2 ލިޓަރުގެ ކުކިންގ އޮއިލް ހުސްކުރި ފުޅިއެއްގެ ފެނެވެ. ސައިބޯނި ގެނެސްދެނީ ހުސްވީމާ ބުނުމުން ސައިބޯންޏެކެވެ. މިގޮޅިތަކުގައި ފާޚާނާގެ، މިބަޔަކީ ގޮޅިތަކަށް އަލަށް އިތުރުކޮށްފައިވާ ބަޔެކެވެ.
މިކަން، ބޭރުން އެތެރެއަށް ބަދަލު މިކުރީ ރޯދައަށްކަން ގަބޫލުކުރެވެއެވެ. މިހާރު ބޭނުމިއްޔާ ބޭނުން އިރަކު އިސްކުރުފެނުން ފެންވަރާ ލެވެއެވެ. ރީތިފެނުން އިތުރަށް ފެންވަރަން ބޭނުމިއްޔާ ޖެހެނީ ފެން ރައްކާކޮށްފައި ބަހައްޓާށެވެ. ލޮނުފެނުން ފެންވަރާފައި ރީފި ފެންފޮދެއް ގަޔަށް އަޅާލަނީއެވެ. އިސްކުރު ހުންނަނީ ވަރަށްތިރީގައެވެ.
ފާޚާނާތެރޭގައި ރަބަރުބާލިދީއަކާއި ކުޑަވަރެއްގެ ޖަގެއް ބަހައްޓާފައި ހުއްޓެވެ. ފެންބޮލަށް އަޅަންޖެހެނީ މިޖަގުންނެވެ. އަދި މިފަހަރު މިބަޔަށް ބަދަލުވިއިރު ގޮޅީގައި ކުޑަމޭޒަކާއި ޕްލާސްޓިކް ގޮނޑިއެއް ވެސް ބަހައްޓާފައި ހުއްޓެވެ. މިކަމާ ހެދި އިތުރު ފަސޭހަތަކެއް ލިބިގެން ދިޔައެވެ. މިހާރަކަށް އައިސް މިފަދަ ލުއިތައް ޖަލަށް މިއަންނަނީ، ބައިނަލް އަގްވާމީ ފެންވަރުގައި ޕްރެޝަރ އަންނާތީއެވެ. ސިޔާސީ ބަޔަކު ޖަލުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށް ހަދާތީ މިކަމާސުވާލު ކުރާފަރާތްތައް ގިނަވާތީއެވެ. މިފަސޭހަތަކާއެކު، ކައިބޮއި ހަދަނީ މޭޒުކައިރީގައި އިނދެގެންނެވެ. ވަރަށްގިނަ ކަންކަމަށް ކުޑަމޭޒުބޭނުން ކުރެވެއެވެ.
ދޮރުކުރިމަތީގައި ކޮޅަށްހުންނަ ހުރުން މިހާރުގޮނޑިއަށް ބަދަލުވީއެވެ. އަބަދުވެސް ގޮނޑީގައި އިށީދެ އިނދެގެން ގޮޅީގެދޮރުން ބޭރުބަލަން ގިނަވަގުތު ހޭދަކުރަމެވެ. މޫދަށްއެރުމަށް ނެރުމުގެތެރޭގައި އެއްދުވަހަކު ފެނުނު، ދުނިކީސްތިލަ ބުރިވަރެއް ނަގައިގެން ގެނެސް، އަޅުގަނޑު އަތުގައި ފޮރުވައި ގެންގެންގުޅެމެވެ. މިއީ ގާތްގަނޑަކަށް، 5 އިންޗިވަރުގެ ބުރިވަރެކެވެ. އަޅުގަނޑު ގެންގުޅެނީ، މިބުރިވަރުގެ އެއްކޮޅު ގޮޅީގައި އޮންނަ ތަޅުންކޮޅުގައި ކާއްތަކާއްތައި ތޫނުކޮށް ލައިގެންނެވެ. މިއިންބައެއް މަސައްކަތްތައް ކޮށްއުޅެމެވެ. ދަތްކޮށްޓުމަށް ޓުތްޕިކް ތައްޔާރު ކުރަމެވެ.
ބޯފެންގެނެސްދޭ ކުކިންއޮއިލް ހުސްކުރިފުޅިއެއްގެ ފޫ ދެއިންޗިއެއްހާ ހިސާބުން، ވަރަށް މަސައްކަތާއެކު ބުރިކޮށްލައިގެން ކުކުޅުތަކަށް ފެންބޯންދޭން ފެންއަލާފައި ގޮޅީގައި ބަހައްޓާނެ އެއްޗެއް ދެތިން ދުވަސް ތެރޭގައި ހަދައިފީމެވެ. ފުޅީގެ އެ ފޫބުރިޔަށް ބޯފެންއަޅާފައި ގޮޅީގެ ދޮރުމަތީ އޮޅިގަނޑު މަތީގައި ބަހައްޓައިފީމެވެ. ކުރީފަހަރު މަންތިރި މައްސަލާގަޔާއި އިލްޔާސް ސަޓޯގެ މަޝްހޫރު ކެސެޓްރޯލްގެ ބަންދުގައި ހުރިއިރު ކުރިކަމަކަށް ވާތީ ވަރަށްއަވަހަށް ކުކުޅުތައް އޮޅުވެ މިއިން ފެންބޯން ފަށައިފިއެވެ. މިގޮޅިތައް ހުންނަނީ ހިޔާބޮޑު ތަނެއްގައި ކަމުން ވަރަށް ގިނަ ކުކުޅުހާ މިސަރަހައްދުގައި އުޅެއެވެ.
ބައެއްގަސްގަހުގައި ނިދާހަދާތަން ވެސް ފެނެއެވެ. ގޮޅީގެ ކުރިމަތީގައި ހުންނަގަހަށް އިރުއޮއްސޭ ދަޅައަށް ނިދަން އަރާ ކުކުޅުހާ ބައިވަރު އުޅެއެވެ. މިހިސާބުގަނޑަކީ ކުކުޅުހާލުގެ މަރުކަޒަކަށް ވެއްޖެއެވެ. ގޮޅިތަކުން ކާންދޭމީހުން ގިނަކަމުންނެވެ. އަޅުގަނޑުގެ މަސައްކަތަކީ ކޮންމެ އިރަކު އަޔަސް އެސޮރުމެންނަށް މީރުފެން ލިބޭގޮތް ހަމަޖައްސާފައި ބެހެއްޓުމެވެ. ވަރަށްގިނަ ކުކުޅުހާ މިގޮޅިން ފެންބޯން ފަށައިފިއެވެ. އަދި އަޅުގަނޑަށް ވީވަރަކުން މިތަކެއްޗަށް ކާންދިނުމާއި އޮޅުކުރަން ފަށައިފީމެވެ.
ބައެއް ކުކުޅާއިހާތައް އަޅުގަނޑުގެ އަތުންކާން ފަށައިފިއެވެ. ވަރަށްއޮޅުކޮށް އުޅޭ ހާލަކާއި ކުކުޅެއް އުޅެއެވެ. ގޮޅީތެރެއަށް ވަދެއަޅުގަނޑު އަތުން ކައިބޮއިހަދާ ކުކުލާހާވެސް އުޅެންފަށައި ފިއެވެ. މީގެތެރޭގައި އާދަޔާޚިލާފަށް އޮޅުކުރެވުނު ހުދުކުލައިގެ ކުކުޅެއް އުޅެއެވެ. މިކުކުޅަށް އަޅުގަނޑު ކިޔަނީ، “ހުދޭ” އެވެ. ހުދޭއޭ ގޮވާލާއިރަށް ދުވެފައި އައިސް ބޯތިރިކޮށް ލައިގެން އަޅުގަނޑު ފައިކަރީގައި އިށީދެގެން އިނދެ ފައިގައިތުނބުން ކޮށްޓާލަ ކޮށްޓާލައި އިނދެއެވެ. މިއީ ޅަފިޔޮކަކަށް ވާތީ، އިސާހިތަކު ބޮޑުވެ ބިޔަ ކުކުޅަކަށް ވެއްޖެއެވެ. ދުވާލު ގިނަވަގުތު އުޅޭނީ އަޅުގަނޑުގެ ގޮޅީގައެވެ.
ދުވާލުގަޑީގައި ނިދާނީ މި ގޮޅީގައެވެ. މި ކުކުޅު ބިސްއެޅީ ވެސް އަޅުގަނޑުގެ ގޮޅިއަށެވެ. ބައެއްދުވަސް ދުވަހުގެ ބިސް އަޅުގަނޑު އަތަށްވެސް އަޅުވައި ހަދަމެވެ. އެނދުމަތީގައި ވެސް އިނދެއެވެ. މޭޒުމަތީގައި ވެސް އިނދެހަދައެވެ. ބައެއްފަހަރު އަޅުގަނޑު ކާންއިންނަ ތަށިންވެސް ކާނެއެވެ. އަބަދުވެސް ބައިންދަނީ ފެންވަރުވާ ރީތިކޮށްލާފައެވެ.
އަދި ވަރަށް ރައްޓެހިކޮށް އުޅޭރަތްހާލެއް ވެސް އުޅެއެވެ. މީތި އަންނަނީ ވަކިގަޑިގަޑިއަށެވެ. މި ދޭތިވެސް ތިބެނީއާދަޔާ ޚީލާފަށް ބޮޑުކޮށެވެ. އަޅުގަނޑަށް ލިބޭ ހުރިހާ އެއްޗެއް މިކުކުޅާއިހާލަށް ބާކީކޮށްގެން ކާންދެމެވެ. ބިހެއްލިބޭއިރަށް ހަދާގޮތަކީ، ވަރަށްކުޑަކުޑަ ދެލޯވަޅު މޮހޮރުން ކޮށްޓައިގެން ބިހުގެ ދެކޮޅުގައި އަޅާފައި އެއްކޮޅުގައި އިނގިލިއަޅާއި އަނެއްކޮޅު އަނގާގައި ޖަހާ ދަމާލައިގެން ގޮބޮޅިއާއެކު އެބިސް ބޮއި ހުސްކޮށް ލަނީއެވެ. އިނގިލި އިންނަލޯވަޅުން ވައިވަންނަވަރުކޮށް ލީމާ ބޯލަން ވަރަށް ފަސޭހައެވެ.
މިގޮތަށްހުސް ކޮށްފައިހުރި ބިހުގެ ތޮށިގަނޑުތައް އަޅުގަނޑު ގެންގުޅެނިކޮށް ސުލައިމާނު ސަރުދާރަށް ފެނިގެން އެއްދުވަހަކު ސުވާލުކުރެއް ވިއެވެ. އެހެނަސް އެއީ މާބޮޑުކަމަކަށް އޭނާ ނުހެއްދެވިއެވެ. ކުކުޅުތަކަކީ އޭނާ ވެސް ވަރަށް ލޯބިން ގެންގުޅެ ތަކެއްޗަށް ވާތީއެވެ. އެކަން ތަހުގީގުކޮށް އަދަބުދޭކަށް ނޫޅުއްވިއެވެ. މީގެދުވަސް ގަނޑެއްގެފަހުން ފެންނަނީ ފޯރިޔަށް ތިބޭކުދިން ކުކުޅުތައް ފަހާއި މިސަރަހައްދަށް ވަނަނުދޭން އުޅޭ މަންޒަރެވެ. އެހެނަސް މިކަން އެކުދިންނަކަށް މަނަލެއް ނުކުރެވެއެވެ. އުދުހިފައި އައިސް ގޮސް ހަދައެވެ. މުޅިން އާދުނިޔެ އެއްގައި މިގޮޅީއަކީ ގެކަމަށް ބަލައިގަނެ ބަންދުވެ ހުރެގެން ދުވަސްތައް ގުނަމުން ގެންދިޔައީއެވެ.
މިހާރު މިބައިގައި މިވައްތަރުގެ ތިރީހަކަށް ގޮޅި ހަދާފައި ހުރެއެވެ. މިއީ، 8 ފޫޓް، 10 ފޫޓޫގެ، 4 ފޫޓު 4 ފޫޓުގެ ފާޚާނާ ބަޔަކާއެކު ހަދާފައިހުރި ގޮޅިތަކެކެވެ. 18 ނަންބަރުގެ އިތުރުން ހުރީ މުޅިންވެސް އަލުންހަދާފައި ހުރި ގޮޅިތަކެވެ. އަށިގަނޑު މަތީގައި ވަރަށް ރީތި އާގޮދަޑިއެއް ބާއްވާފައި އާބެޑްޝީޓެއް، އަދި ސްޕެންޖު އާ ބާލީހަކާ އެކުދީފައި އޮތެވެ. ބާލީހުގެ އުރަވެސް މުޅިންއަލެވެ. ހުރީ މުޅިންވެސް އަލަށްގަނެގެން ގެނެސްފައި ހުރި އެއްޗިއްސެވެ.

މިގޮޅިއަށް ގެނައުމުން އެންމެއުފާވީ ބޭނުންވާއިރަށް ފާޚާނާކޮށްލާއި ފެންވެރޭތީއެވެ. ކުރިންއެންމެ އުނދަގުކަމަކަށް ވެފައި އޮތީ ފާޚާނާއަށް ދާންވެގެން ގާޑަށްގޮވީމާ، ބަލާއަންނަލެއް ލަސްކަމުން ވާ އުނދަގުލެވެ. ކޮންމެއަކަސް މިއުނދަގޫތަކުން ސަލާމަތްވީއެވެ. ކިތެންމެވަރަކަށް ފާޚާނާއަށްދާން ޖެހިފައިހުއްޓަސް ބައެއްގާޑުން ނެރޭނީ، އެކުދިންނަށް ނެރެން ފެނުމުންނެވެ. އުނދަގޫވެ އަސަރުކުރާ ތަންކޮޅަކީ މިއެވެ. ﷲގެ އިރާދަފުޅުން މިކަމުންމުޅިން މިންޖުވީއެވެ. އަލްޙަމްދު ލިއްލާހި!
އާދެ! ގާޑުންގެ ފަރާތުން ރޯދަމަސް ވަރަށް ގާތްވެއްޖެ ޚަބަރުވަނީ ލިބިފައެވެ. އަޅުގަނޑު ޖަލުތެރެއަށް މިގެނައީވެސް އެހެންވެ ރޯދައަށެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ގާމާދޫޖަލަށް ބަދަލު ކުރި ޚަބަރު ލިބުނެވެ. އެއީވެސް ރޯދައަށް ގެނައި ބަދަލެކެވެ. ކުރިން، 15 ނަންބަރުގައި އޮތީ، އަބްދުލް ހަންނާނު އަބޫބަކުރު (ހެރިންސް) އެވެ. އެކަން އެނގުނީ މިގޮޅީގައި އޭނާގެނަން ލިޔެފައި އޮތީމާއެވެ. މިއަދު ގާމާދޫއަށް ގެންދިޔައީ، އަބްދުލް ހަންނާނާއި އަލީވަހީދު ހަސަނާއި މަސްޢޫދެވެ.
މިހާރު މިވީގޮތުން ޓިނުގޮޅީގައި ލޯވަޅުއަޅައިގެން ދޫނިދޫތެރެ ބެލިބެލުން މުޅިން ހުއްޓުނީއެވެ. މިގޮޅީގައި އިންނައިރު ފެންނަނީ ގޮޅީގެ ދޮރުންފެންނަ ހިސާބު އެކަންޏެވެ. ޖަލުތެރެއަށް ބަޔަކުގެނެސް ވައްދަންޏާ ކޮންމެވެސް ވަރަކަށް ފެނެއެވެ. އެއީ ވެސް ވަކިހިސާބެކެވެ. ބިގޭވެސް މިއަދުޖަލުތެރޭގެ ގޮޅިއަކަށް ގެނެސް ވެއްދިއެވެ. އިބުރޭ އާއި ސައްޕެ އަދިވެސް ބަހައްޓާފައި ހުރީ ޓިނުގޮޅީގައި ބޭރުގައެވެ. ކުކުޅުތަކަށް ކާންދިނުމާއި ފެންދިނުމާއި ގޮޅީގައި އުޅޭ ހިނިތަކަށް ކާންދިނުމާއި މިކަންކަމުގައި ދުވަސް ގުނަގުނާ ގޮޅީގައި ހުރީއެވެ.
17 މާޗް 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 85 ވަނަދުވަހެވެ. މިއަދަކީ މުލަރޯދަ ދުވަހެވެ. މިއަހަރުގެ ރޯދަމަހުން، 1 ވަނަދުވަހެވެ. 16 މާޗް 1991 ވީ ހޮނިހިރު ދުވަހު، މ.ކުރެނގި އަބްދުލް މުޢީދު އާއި އަޒްމީލާއި އަލީރަޝީދު ހުސައިން (ކޮއްކޮ) ގާމާދޫއަށް ބަދަލުކުރިކަން އެނގުނެވެ. ނޯބެ އޮތީ ޖަލުތެރޭގައި ހުރިގޮޅިތަކުގައެވެ. 18 ނަންބަރުގައި ނޯބެއެވެ. އަންނި އޮތީ، 7 ނަންބަރުގައެވެ. ހަންދު އޮތީ، 13 ނަންބަރުގައެވެ. އަޅުގަނޑާ ޖެހިގެން ކުރީގައި، 14 ނަންބަރުގައި އޮތީ އަބްދުއްރައްޒާގެވެ. 1 ނަންބަރުގައި އޮތީ އިލްޔާސް އަބްދުﷲ އެވެ. 8 ނަންބަރުގައި އަބްދުﷲ ސަލީމެވެ. 9 ނަންބަރުގައި އަބްދުﷲ ހުސައިންއެވެ.
ބިގޭ މިއަދު، 12 ނަންބަރުން، 3 ތިންނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. ވީގޮތެއްނޭނގެއެވެ. އަދިވެސް ސައްޕެއާއި އިބުރޭ (ކޮއްކޮ، އިބުރާހީމް ރަޝީދު ހުސައިން) ތިބީ ބޭރުގައެވެ. ޓިނުގޮޅީގައެވެ. މި ދެމީހުން ޖަލުތެރެއަށް ބަދަލު ކުރީ ރޯދަމަސް ފެށުނު ފަހުންނެވެ. 10 ވަރަކަށް ރޯދަ ދިޔަފަހުންކަމަށް ލަފާކުރެވެއެވެ. ސައްޕެ އޮތީ، 6 ނަންބަރުގައެވެ. ކޮއްކޮ އިބުރޭ އޮތީ، 4 ނަންބަރު ގޮޅީގައެވެ. ފަހުން ސައްޕެ، 12 ނަންބަރަށް ބަދަލުކުރިއެވެ. އަދި އޭގެފަހުން ސައްޕެ އެދިގެން، 2 ނަންބަރު ގޮޅިއަށް ބަދަލުކުރިކަން އެނގުނެވެ.
މިކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ރޯދަމަސްއޮވެގެން އެބަދެއެވެ. މާބޮޑުކަމަކަށް ނުވެއެވެ. ގޮޅީގައި ތިބެނީއެވެ. ބައެއްރައްޓެހި ގާޑުން ތިބޭގަޑީގައި އެކަކުއަނެކަކާ ވާހަކަދައްކާ ހަދަމެވެ. މާބޮޑު ކަމަކަށް ގާޑުންނެއް ނުހަދައެވެ. އަންނިއާއި އަޅުގަނޑާއި ފާޅުގައި މެސެޖް ބަދަލުކުރަމެވެ. ބައެއް ފަހަރު ވާހަކަ ދައްކަމެވެ. ބޭނުންވާ ކަންތައް އެކަކު އަނެކަކަށް ކޮށްދީހަދަމެވެ. އަދި އަންނިކައިރީގައި ބިގޭބުނާ ވާހަކަތައް އަޅުގަނޑަށް ޕާސްކޮށް ދެއެވެ. ރޯދަހިފައިގެން ގޮޅީގައި ކިޔަވަން ތިބެނީއެވެ. ވަކިޚާއްސަ ކަމެއް ނޯވެއެވެ.
11 އޭޕްރީލް 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 110 ވަނަދުވަހެވެ. ރޯދަމަހުން ދުވަހަކަށް ފަހު ދުވަހެއް އޮވެގެން އެބަދެއެވެ. ކެއުމަށާއި އެހެނިހެން ކަމަކަށް ވަކި އިތުރުބަދަލެއް ނާދެއެވެ. މިއަދު ހެދުނު ސައިގަޑީގައި ސުލައިމާނު ސަރުދާރު ދުރުވެ މިއަދު، 9:30 އަށް މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށް އެންގެވިއެވެ. 9:30 ގައި ގޮޅިންނެރެގެން ގެންދިޔަގޮތަށް މާލެގެންގޮސް ގެންދިޔައީ ކޯޓްނަންބަރު، 6 އަށެވެ. މިއަދުއޮތީ، އަލަށްއިތުރު ދައުވާއެއް ހުށަހެޅުމެވެ.
އިލްޔާސްސަޓޯގެ މަޝްހޫރު ކެސެޓްރޯލާބެހޭ މައްސަލާގައި އެރޯލް އަޅުގަނޑުއަތަށް ދިންމީހަކު ނޭނގޭކަމަށް ބުނުމަށް ފަހު، ފަހުން އަމިއްލައަށް އެދިން މީހާ އެނގޭކަމަށް ބުނުމުން ތަހުގީގަށް ދޮގު މައުލޫމާތުދީ ދޮގުހެދިކަމުގެ މައްސަލައިގެ ދައުވާއެވެ. މިދައުވާ ކުރެއްވުމަށް ފަހު، ހަމައެދުވަހު ބަޔާނުގައި ސޮއިކުރުވިއެވެ. މިހާ ހިސާބުން މިދައުވާގެ ޝަރީޢަތުގެ ކަންތަކުގެ އަޑުއެހުންތައް މުޅިން ނިމުނީއެވެ.
މިއަދު ކުރިކަމަކީ މިކަންތައް އެކަންޏެވެ. ދެންދުވަހަކުން އޮންނާނީ، ހުކުމްއިއްވުމެވެ. މިއަދުވެސް ކޯޓްކައިރިން ދޮންދައްތައާއި ޒަކިއްޔާ ހަސަން (ޒަކުދައްތަ) އާ ދިމާވިއެވެ. ޖަލުގައި ރޯދަމަހުގެ ކަންތައްތައް ކިހިނެތްތޯ އެމީހުން އެއްސެވެ. ޖުމްލަކޮށް ރަނގަޅޭ ދެރަނުވާށޭ ބުނީމެވެ. ޖަލުން އެލިބޭ އެއްޗެއް ބަރާބަރަށް ދެމުން ގެންދެއޭ ބުނީމެވެ. ގޭގެބައެއް ޚަބަރުތައް މި ދެމީހުންގެ ފަރާތުން ލިބުނެވެ. މާމަގެ ބަލިހާލު ހުރީ ބޮޑުކޮށް ކަމުގައި ބުންޏެވެ. ދެން ގެނައިގޮތަށް ދޫނިދޫއަށް ގެނެސް ގޮޅިއަށް ވެއްދީއެވެ.
އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރަކުން ބޮޑުބަޑިޖަހައި ރަހީނުކުރެވިފައި ތިބި މަޢުޞޫމް ދިވެހިންގެ ބަޔަކު މަރާލި ވާހަކަ:
13 އޭޕްރީލް 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 112 ވަނަދުވަހެވެ. މިއަދަކީ ރޯދަމަހުން، 28 ވަނަރޯދައެވެ. އޮވެގެން ޢީދުދުވަސް ކާރިވަނީއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ގެއަށް ދެވޭނެ ކަމުގެ ޔަގީންކަން ބޮޑުވަނީއެވެ. ކޮނެމެ މީހަކުވެސް ތިބެނީ އެ އުންމީދުގައެވެ. ކޮންމެ މިކަހަލަ މުނާސަބަތެއްގައި ތިބެނީ މި ވިސްނުމުގައެވެ. ގެއަށް ދެވޭނެކަމުގެ އުންމީދުގައެވެ. މިއަދުވެސް މާލެއަށް، ކޯޓް ނަންބަރު، 6 އަކަށް ގެންދިޔައެވެ.
މިއަދު ކުރެއްވީ އަނެއްކާވެސް މުޅިންއާދައުވާ އެކެވެ. މަންތިރި މަޖައްލާގައި އަޅުގަނޑުލިޔުނު މަޒްމޫނާ ގުޅިގެންނެވެ. ދައުލަތުން މި ދައުވާ ވެސް ހުށަހެޅުއްވީ، ހ.ހާޖަރާގެ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ. މީނާ އަކީ، ދިވެހިރޭޑިޔޯއިން ކޮންމެ ރޯދަމަހެއްގައި ސިޔަރަތު ވިދާޅުވެ ދެއްވާ ބޭފުޅާއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓްއެޓާނީ އެކެވެ. ދައުލަތުން ދައުވާ ކުރައްވަނީ މިބޭފުޅާއެވެ. މިޤަޟިއްޔާގެ ނަންބަރަކީ، 91/6-ސީޖޭ/61 އެވެ. ހުށަހެޅީ، 6 ފެބްރުއަރީ 1991 ގައެވެ. ހުކުމްއިއްވާ ނިމުނީ، 9 ސެޕްޓެމްބަރު 1991 ގައެވެ.
މިބޭފޫޅާ އަކީ، 3 ނޮވެންބަރު 1988 ގެ ނުރައްކާތެރި ހަމަލާގައި ލީޑަރަކަށް ހުންނެވި ހ.ހާޖަރާގެ އަލްފާޟިލް އަބްދުﷲ ލުތުފީގެ ބައްޕައެވެ. މިއަދުގެ ޝަރީއަތުގައި އަޅުގަނޑުގެ ނަފްސީދިފާޢުގައި ވަރަށް ގިނަ ވާހަކަތައް ދެއްކީމެވެ. އެވާހަކަ ތަކަކީ މިއީއެވެ. އިއްޒަތްތެރި ގާޒީއެވެ! މަންތިރި މަޖައްލާގައި އަޅުގަނޑު ލިޔެފައިވާ މަޒްމޫނުގައި ލިޔެފައި އެވަނީ، ހަގީގަތާޚިލާފު ވާހަކައެއް ނޫންކަމަށް އިއްޒަތްތެރި ގާޒީއަށް ދަންނަވަމެވެ!
އިންޑިޔާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ، އައިއެންއެސް ގޯދާވަރީގައި ފުލައިޓް އިންޖިނޭރަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ އިންޑިޔާގެ ރައްޔިތެއް، އަޅުގަނޑު ރަސްމީކޮށް މަސައްކަތްކުރާތަން ކަމުގައިވާ، އިސްލާމީ މަރްކަޒަށް ވަޑައިގެންނެވި ޒިޔާރަތެއްގައި، އަޅުގަނޑާ ވާހަކަ ދައްކަވަމުން ބުނެފައި ވަނީ، ހޮސްޓަޖުންގަޔަށް ގޯދާވަރީން ބޮޑުބަޑިޖެހީ އެމަނަވަރަށް ރާއްޖެއިން އެރުވި ދިވެހި ސިފައިންނެވެ. އޭނާ އެވާހަކަ ބުނުމުން އަޅުގަނޑަށް އެވާހަކަވީ، ވަރަށްހެއްވާ ވާހަކަ އަކަށެވެ.
ގޯދާވަރީ މަނަވަރުން ރަހީނުންގެ ގަޔަށް ބޮޑުބަޑި ޖެހީ ކާކުގެ އޯޑަރަށްތޯ؟:
އެހެންވުމުން އަޅުގަނޑު އެވާހަކަ އެގޮތަށް މިމަޒްމޫނުގައި ލިޔުނީއެވެ. މަންތިރި މަޖައްލާގެ ފުރަތަމަ އަދަދުގެ، 17 ވަނަ ސޮފްހާގައި، "3 ނޮވެމްބަރު 1988 ގެ ޢުދްވާނީޙަމަލާ މިގޮތަށް ތާރީޚަށް ވަދެ ނިމޭނީތޯއެވެ؟" މިސުރުޚީގެ ދަށުގައި އެވާހަކަ އަޅުގަނޑު ލިޔެފައި އޮންނާނެއެވެ. އިންޑިޔާ މަނަވަރު ގޯދާވަރީގެ ކެޕްޓަން މާލޭގެ ތޮށިގަނޑު މަތީގައި ހުންނަވައިގެން ދެއްވި ނޫސްބަޔާނުން ވެސް އެނގޭގޮތުގައި ކެޕްޓަން ވިދާޅުވެފައި ވަނީ، ޕްރޮގްރެސް ލައިޓަށް ބަޑިޖަހަން ޖެހުނު ހިނދު ބަޑިޖެހީ “އަހަރުމެންނޭ” މިފަދައިންނެވެ.
އޭނާ އަހުރެމެންނޭ ބުނެފައި އެވަނީ، އިންޑިއާ ސިފައިންނާއި މަނަވަރަށް ހެލިކޮޕުޓަރެއްގައި ގެންގޮސްފައި ތިބި ދިވެހި ސިފައިން ހިމެނޭ ގޮތަށެވެ. ގާޒީ އެވެ! އޭނާއެބުނާ އަހުރެމެންގެ މާނައަކީ މިއީ އެވެ. އަހުރެމެންނޭ އެތަނުގައި ބުނުމުގެ އެނޫން މާނައެއް ނުނެގެއެވެ. ނުވެސްނެތެވެ! އަދި ދިވެހިސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި އާދަމްޒާހިރު ވެސް އެދުވަހާ ގުޅޭ ބަސްދީގަތުންތަކުގައި އަހުރެމެންދިންހަމަލާތައް ކަމަށް ބުނެފައިވެއެވެ. އެ ބަސްދީގަތުންތައް މިލިންކުން އަޑުއަހާލެވޭނެއެވެ.
ކަންތައް ދިމާވިގޮތުން އޭނާގެ ވާހަކައިގާ އެއީ ކޮންބައެއްކަމެއް ތަފްސީލުކޮށް ވިދާޅެއްނުވެއެވެ. “ބަޑިޖެހީ އިންޑިޔާ ސިފައިންނެކޭ ވެސް އަދި ރާއްޖޭގެ ސިފައިން ނެކޭވެސް” ނަންލާފައި ވިދާޅެއް ނުވެއެވެ. އަޅުގަނޑުގެ މަޒްމޫނުގައި މިވާހަކަ މިގޮތަށްލިޔުނީ ގޯދާވަރީގެ އިންޖިނޭރު އެހައްދަވަނީ، ދޮގެއްކަން އަޅުގަނޑުގެ މަޒްމޫނު ކިޔާ މީހުންނަށް އެންގުމަށެވެ. ބައެއްފަހަރު އެކަހަލަ ހެއްވާ ވާހަތައް ލިޔުމުގައި ގެނެސް ދިނުމަކީ، ބައެއް ލިޔުންތެރިންގެ ހުނަރެއް ކަމަށް ގާޒީއަށް ދެންނެވީމެވެ.
އަދި މިވާހަކަ މަޒްމޫނުގައި ގެނެސްފައި އެވަނީ އެގޮތުގެމަތިން ހެއްވާލުމަށް ކަމަށް ދެންނެވީމެވެ. މިވާހަކަ ގޯދާވަރީގެ އިންޖިނޭރުކަލޭގެ އިސްލާމީ މަރްކަޒުގެ ލައިބްރެރީގައި އިނދެގެން ދެއްކިއިރު، އިސްލާމީ މަރުކަޒުގެ އަމީނުލްމަކްތަބާ، އަލްފާޟިލް އިބްރާހީމް ޞާބިރު ވެސް އެތާނގައި އަޑުއައްސަވަން އިންނަވާނެ ކަމަށްވެސް، ގާޒީއަށް ދެންނެވީމެވެ. ސާބިރުގެ ނަންގާޒީނޯޓް ކުރެއްވިއެވެ. ހީވަނީ ހެކިބަހަށް ހާޒިރުކުރަން ހެންނެވެ. އަދި ވެސްގާޒީއަށް ދެންނެވީމެވެ!
އަޅުގަނޑަށް ވެސް އެނގެއެވެ! ސިފައިންގެ ވެރިއެއް ކަމުގައިވާ އާދަންޒާހިރު އެމަނަވަރުގައި އޭރު ގެންގޮސްފައި ހުންނެވިޔަސް ބަޑިޖެހީ އާދަމްޒާހިރުގެ އަތްޕުޅުން ނޫންކަން އަޅުގަނޑަށް ވަރަށްރަނގަޅަށް ސާފުކޮށް އެނގެއެވެ. އާދަމްޒާހިރު މަނަވަރުގައި ހުންނަވައިގެން ރައީސް މައުމޫނާ ވާހަކަ ދައްކަވާފައި ބަޑިޖަހައި ފައްތާލުމުގެ ހުއްދަ ހޯއްދެވީއެވެ. އެކަން ކުރެއްވީ ގޯދާވަރީގެ ކެޕްޓަން އެދުމުންނެވެ. މިވަނީ ކިހިނެތްތޯއެވެ؟

ހޮސްޓެޖުންގަޔަށް މަނަވަރުގެ ބޮޑުބަޑިތަކުން ހައިންޗީގެފަލަ ވަޒަން ފޮނުވައިގެން ހޮސްޓެޖުންތައް ހަދާނެގޮތެއް ނެތިފައި ޕްރޮގްރެސް ލައިޓްގައި ތާށިވެފައި ތިއްބާ، އެ އާގުބޯޓު ފައްތާލިކަން މުޅިދުނިޔެ ހެކިވެ ދަންނާނެއެވެ. އިއްޒަތްތެރި ގާޒީއަށްވެސް ސާފުކޮށް އެކަން އެނގި ވަޑައިގަންނަވާނެއެވެ! އިންޑިޔާގެ ނޫސްތަކުންނާއި ކެޕްޓަންގެ ވާހަކަތަކުންނާއި އަޅުގަނޑާ ބައްދަލުވި އިންޖިނޭރުގެބަހުން، އައިއެންއެސް ގޯދާވަރީގައި ދިވެހި ސަފައިންގެ ހައެއްކަ އަށެއްކަ ބޭކަލުން އެވަގުރު ތިއްބެވިކަން ސާބިތުވާނެއެވެ.

އިންޑިޔާގެ ހެލިކޮޕްޓަރަކުން އެމީހުން މަނަވަރަށް އުފުލުނުކަން އެންމެންނަށް އެނގޭނެއެވެ. މިއީ އޮޅުމެއްއޮތް ކަމެއްނޫނެވެ. އަޅުގަނޑުގެ ސުވާލަކީ ދިވެހި ސިފައިން މަނަވަރަށް ގެންގޮސް އަރުވަން ޖެހުނީ ކީއްވެގެން ތޯއެވެ؟ ކޮންމެހެން މަނަވަރަށް ދިވެހި ސިފައިން ނުގެންގޮސް ވެސް އެހަމަލާ އިންޑިޔާ ސިފައިންނަށް ދެވެން އޮތެވެ. އަޅުގަނޑުގެ ނުކުތާ އަކީ މިއީއެވެ.
އެވަގުތު ޕްރޮގްރެސް ލައިޓް އޮތީ ބައިނަލްއަގުވާމީ ކަނޑުގައިކަމުން ބަޑިޖެހުމުގެ އޯޑަރާ ހަވާލުވާނެ ފަރާތެއް ކޮންމެހެން ވެސް އެބަ ހޯދަން ޖެހެއެވެ. ކަމެއްދަމެއް ދިމާވާ ދުވަހަކު ޖަވާބުދާރީ ވާން ގާނޫނީ ގޮތުން ޖެހޭނީ ދިވެހިންނަށެވެ. އާދަމް ޒާހިމެން މަނަވަރަށް އުފުލާފައި އެވަނީ އެބޭނުމުގައެވެ. ހޮސްޓަޖުންގެ ފަރާތުން ނުވަތަ މަރާލެވުނު މީހެއްގެ ފަރާތުން ދައުވާއެއް އުފުލޭ ދުވަހަކުން ބަޑިޖެހީ ދިވެހިން ބުނެގެން ކަމުގައި ރަސްމީކޮށް ހަދާނެއެވެ. ބޭނުމަކީ އެއީއެވެ!
އިއްޒަތްތެރި ގާޒީއެވެ! އިންޑިޔާސިފައިން، އިސްވެ ދިވެހިސިފައިންގެ ބަޔަކު ގޯދާވަރީއަށް އެރުވީ، ދިވެހި ސިފައިންގެ ބޮލުގައި އެޒިންމާ ކަނޑައެޅިގެން އަޅުވާށެވެ. ދުވަހެއްގެ ކޮޅުން އެކަމާބެހޭ ސުވާލެއް އެއްވެސް ރަސްމީ ފަރާތަކުން ނުވަތަ ބައިނަލްއަގުވާމީ ކޯޓަކުން ފަދަ ފަރާތަކުން ނަމަވެސް، ރަސްމީކޮށް ކޮށްފިއްޔާ ހޮސްޓެޖުންގަޔަށް ބަޑިޖެހިޖެހުން ހަވާލުކުރާނީ ދިވެހިސިފައިން ނާއެވެ. އަޅުވާނީ ދިވެހިސިފައިންގެ ބޮލުގައެވެ.
ރާއްޖެއިން އެދިގެން ދެވުނު ހަމަލާއަކަށް ގާނޫނީގޮތުން އެމީހުން ހަދާނެއެވެ. ހުރިހާ މަރުތަކެއްގެ އަދި ވެގެންދިޔަ ގެއްލުމާއި ހުރިހާ އަނިޔާތަކެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ދިވެހިރާއްޖެއެވެ!! ބޮޑުފެންވަޅުގެ އަހްމަދު މުޖުތަބާ އާއި އޭނާގެ ބިދޭސީ އަނބިކަނބަލުން، އަދި ބޯގަންވިލާ އިސްމާއީލް ނަސީރާއި އެހެން ރަހީނުންގެ ފަރާތުން ނުވަތަ އެ އާއިލާތަކުގެ ފަރާތުން މިކަމާ ދައުވާއެއް ކުރާ ދުވަހަކުން ބަޑިޖެހި ފަރާތެއް ވަރަށް ސާފުކޮށް އެނގިގެން ދާނެއެވެ. އިންޝާﷲ!!

މިއަދު ރައީސް މައުމޫހު ވިދާޅުވާ ގޮތަކަށް ދައުލަތުގެވަކީލަށް ވަކާލާތު ކުރެވިދާނެއެވެ. އަދި އިއްޒަތްތެރި ގާޒީއަށް ހުކުމް ވެސް ކުރެއްވިދާނެއެވެ. ހަގީގަތް ﷲ ދެނެވޮޑިގެން ވާނެއެވެ. އިއްޒަތްތެރި ފަނޑިޔާރު މި ހުރިހާ ދިމާއަކަށް ނިޔާކަނޑަ އެޅުއްވުމުގައި ނަޒަރު ކުރައްވަން ހެޖިވަޑައި ގަންނަވާނެއެވެ. މިހާރުން މިހާރަށް ބައިނަލްއަގްވާމީ ކޯޓެއްގައި މިކަންބެލިޔަސް ގޯދާވަރީގެ ކެޕްޓަން ވިދާޅުވާނީ، މަނަވަރުން ބަޑިޖެހީ މަނަވަރުގައި ތިބި ދިވެހި ސިފައިންގެ އޯޑަރަށް ކަމަށެވެ. އެކަންހިންގީ އެގޮތަށް ކަމަށެވެ. އެކަމުގެ ޒިންމާ އަޅުވާނީ ދިވެހިރާއްޖޭގެ ކޮނޑުގައެވެ.
އިއްޒަތްތެރި ގާޒީއެވެ! އަޅުގަނޑު ތަހުގީގުގައި ދެއްކި ވާހަކައަކީ، މިހިރަމިހިރަ ކަންތަކަކީ ރައްޔިތުންގެ މަޖިލީހުން އިތުރަށް ބައްލަވަން ޖެހޭ ކަންތައް ކަމަށެވެ. އިއްޒަތްތެރިގާޒީ ވެސް މިކަމުގެ ހުކުމެއް އިއްވުމުގެކުރިން، މިހާދިސާގެ ފުރިހަމަ ތަހުގީގު ކުރައްވަންޖެހޭކަމަށް ނިންމަވަން ޖެހޭނެއެވެ. އެއީ ކޯޓުން ނެރުއްވޭނެ އޯޑަރެކެވެ. ދިވެހިރައްޔިތުން ތަކެއް ވަނީ މަރުވެފައެވެ. ނެތިގޮސްފައެވެ. ފަހަތުގައި ތިބީ ދިވެހި އާއިލާތަކެކެވެ. ތަފުސީލުކޮށް ވީނުވީއެއް އެބޭފުޅުންނަކަށް ނޭނގިއެވެ. އެ އާއިލާތަކަށް އެއްގޮތަކަށް ވެސް ވީނުވީއެއް ސާފެއް ނުވެއެވެ. ބައިވަރުކަންތައް އޮޅިފައި އެބަހުއްޓެވެ. އެއީ ދައުލަތުން ސާފުކޮށްދޭންނެ ކަންތަކެވެ.
އަޅުގަނޑުގެ މައްޗަށް ގަވާއިދާޚިލާފު ވާހަކަ ދެއްކެވީއޭ ވިދާޅުވެ ޖަލުގައި ބަހައްޓައިގެން ބޮޑު ހުކުމެއް އިއްވުމުގެ ކުރިން މިހިރަކަހަލަ ނުކުތާތަކަށް، އިއްޒަތްތެރި ގާޒީ ބައްލަވަން ޖެހޭނެއެވެ. ކަމުގެ އެންމެ އަޑިނުހޯއްދަވައި މިގަޒިއްޔާގައި ނިޔާއެއް ނީއްވޭނެއެވެ. އަޅުގަނޑު މިދަންނަވަނީ ރައްޔިތުންގެ މަޖިލީހުން މިހާދިސާގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރަންޖެހޭނެ ވާހަކައެވެ. ޕްރޮގްރެސް ލައިޓްގައި ކަންތައްތައް ހިނގާދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. ބުނެއެއް ނުދެއެވެ. އިއްޒަތްތެރި ގާޒީއަށް ވެސް އެނގިއެއް ނުލައްވާނެއެވެ. ނިޔާއަކަށް ވަޑައި ގަންނަވަން ޖެހޭނީ ވަރަށް ގިނަކަންކަން ފުންކޮށް ބައްލަވާފައެވެ.
ނޫނީ ވެގެންދާނީ ރައީސް މައުމޫނު ރުއްސަން ކޮށްދެވޭ ނާގިސް، އަދި އިންސާފުގެ އުންސުރުތައް އުނި ހުކުމަކަށެވެ. ތަހުގީގުގައި ދަންނަވާފައި އޮންނާނެ އެކަމާ ބެހޭ މާގިނަ މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތެވެ. އެހެނަސް އެނގޭއެއްޗަކީ، ހޮސްޓެޖުންގެ ތެރެއިންބަޔަކު މީހުންމަރުވި ކަމެވެ. ހުރިހާ ހޮސްޓެޖުން ގަޔަށް ބަޑިޖެހީ އެއާގު ބޯޓުގައި ތިބި ޓެރަރިސްޓުންނެއް ނޫންކަމެވެ. ވީމާ ހޮސްޓެޖުންގެ މިހާގިނަބަޔަކަށް ބޮޑެތިއަނިޔާތައް ލިބި، ހޮސްޓެޖުންގެ ބަޔަކު މަރުވީ ކީއްވެގެންކަން ކޮންބައެއްގެ ވަޒަނުންކަން، ކޮންގޮތަކަށް ކާކުގެ އަމުރަށްޖެހި ވަޒަންތަކެއްކަން އެބަ އެނގެން ޖެހެއެވެ. ސާފުކޮށްދެއްވާށެވެ. އިންސާފަކީ އެއީއެވެ.
މިއަދު އިއްޒަތްތެރި ގާޒީގެ ޒިންމާއަކީ ދިވެހިރައްޔިތުންނަށް މިކަމުގެ އިންސާފު ގެނެސްދިނުމެވެ. ހަމަ އެކަނި އަޅުގަނޑަށް ހުކުމެއް ކޮށްލާއްވާފައި ނިންމާލެއްވުމެއް ނޫނެވެ. އަދި މިހާތަނަށް އަޑި އެނގިފައިނެތް މިހާދިސާގެ އެންމެއަޑީގައި ފޮރުވިފައިހުރި ސިއްރުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށް ދެއްވުމެވެ. އެހެންނޫނީ އަޅުގަނޑު މިނިވަންވެ ރައްޔިތުންގެ މަޖިލީހަށް ވަދެވުނު ދުވަހަކުން މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް އަލުން ވައްދާނަމެވެ. ހޮސްޓެޖުންގެ މިހާގިނަ ބަޔަކުމަރުވާން ޖެހުނު ސަބަބު އެބަ އެނގެން ޖެހެއެވެ. އެބަހޯދަން ޖެހެއެވެ.
ހަމަގައިމުވެސް ލ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އިސްމާޢީލް ނަސީރު އާއި އޮނަރަބްލް އަހްމަދު މުޖްތަބާމެން މިދުނިޔޭގައި ހެޔޮވިސްނުމާ އެކު އެބަތިއްބެވިއެވެ. މިދެބޭފުޅުންގެ މައުސޫމް ހަށިކޮޅަށް އެރިހަމަލާ ތަކާގުޅިގެން އެބޭފުޅުންގެ ބަހެއް އެންމެކުޑަމިނުން ބޭނުން ވާނެއެވެ. އެބޭފުޅުންގެ ހިތަށް މާދަމާއަރާނީ ކޮންއެއްޗެއް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ. ހަމަގައިމުވެސް ބައިނަލްއަގްވާމީ ކަނޑުގައި މައުސޫމު ބައެއްގެ ގޮތުގައި ހޮސްޓެޖުންގެ ދަރަޖާގައި އެމީހުންތައް ވަނިކޮށް، ހިންގުނު ހާދިސާއަކަށްވީ ހިނދު، އެބޭފުޅުންނަށާއި އެބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް އެވީގޮތެއް އެންމެ ފުންމިނުގައި އެނގެން ޖެހޭނެއެވެ. ސާފުކޮށްދޭން ޖެހޭނެއެވެ.
ހައިޖެކު ކުރި ޓެރަރިސްޓުންނާ އެކު ދެކެވެމުން ދިޔަ ވާހަކަތައް މެދުކަނޑާލެއްވީ ކީއްވެގެންތޯ ކޮން ސަބަބުތަކަކައި ހެދިތޯ ބަލަން ޖެހޭނެއެވެ. ހަމަލާދޭން ނިންމުނީ ކާކުގެ އޯޑަރަށްތޯ ބަލަން ޖެހޭނެއެވެ. ޓެރަރިސްޓުން ބޭނުންވާ ހިސާބަށް ބޯޓުދިޔަދީފައި ހޮސްޓެޖުން އެކުގައި ސަލާމަތްތެރި ކަމާއެކު މިނިވަން ނުކުރެވޭނެ ޖާގައެއް ހަމަ ނެތުނީތޯއެވެ؟ ނުވަތަ ދިވެހިންނަށް ވުރެ ތަމަޅައިން އިސްކުރެވުނީ ތޯއެވެ؟ ކީއްވެގެންތޯ ސުވާލުތަކެއް ކުރެވޭ ގޮތަށް މިކަންތައް ދޫކޮށްލެވިފައި އޮތީ ކީއްވެގެންތޯ ބަލަން ޖެހޭނެއެވެ. އިއްޒަތްތެރި ގާޒީއެވެ. މިއީ ކުޑަ ކަމެއްނޫނެވެ. ފުރާނަތަކަކައި ގުޅުންހުރި ކަމެކެވެ! މިއަދު ކަންދިމާކުރި ގޮތުން އިއްޒަތްތެރި ގާޒީތިޔަ އިންނެވީ އިންސާފުގެ މޭޒުކޮޅުގައެވެ.
ލަންކާއައި ވަކިވަރަކަށް ކާރިވުމުން ޓެރަރިސްޓުންތައް ސްޕީޑްލޯންޗް ފަހަރުގައި ފޮނުވާލުމަށް ފަހު، ދިވެހިންތައް ފުރިހަމަ ސިއްހަތެއްގައި ސަލާމަތް ނުކުރީ ކީއްވެގެންތޯ އެބަބަލަން ޖެހެއެވެ؟ އަދި އެއާގުބޯޓުގައި ސްޕީޑުލޯންޗެއް، ޓެރަރިސްޓުންނަށް ދެވޭގޮތަށް އަރުވާފައި އޮތްޚަބަރު ވެސް ލިބެއެވެ. މިއީ ޓެރަރިސްޓުނާ އެކު ވާހަކަދެކެވެން ޖެހޭ ނުކުތާތަކެވެ. އެވާހަކަތައް ކޮބައިތޯއެވެ؟ ޓެރަރިސްޓުންނަށް އެފުރުސަތު ދީފައި ހުރިހާ ދިވެހިން ސަލާމަތުން މިނިވަން ނުކުރީ ކީއްވެތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.
މިއީ ކޮންބައެއްގެ ކާކުގެ އަމުރަށް، މައުސޫމް ހޮސްޓެޖުންނަށް ލިބުނު އަނިޔާއެއްތޯ އެބަބަލަން ޖެހެއެވެ. އެކަން ސާފުވެ އެނގުން މުހިންމުއެވެ. މިކަމުގެ ބޮޑުކަމުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިހާދިސާ ތަހުގީގުކުރަން އަޅުގަނޑު ބޭނުންވެއެވެ. އިއްޒަތްތެރި ގާޒީއެވެ! މިމައްސަލައަށް ނިޔާއެއް އިއްވެވުމުގެ ކުރިން އިންސާފު ގެނެސް ދެއްވާށެވެ! މައުސޫމް ދިވެހި ހޮސްޓެޖުންގެ ބަޔަކަށް މިހާ ވަރުގަދަ ހަމަލާއެއް ދެވި ވީނުވީއެއް ނޭނގި އޮއްވާ، އެމަނަވަރުގައި ހުރިމީހެއްގެ ފަރާތުން މިކަހަލަވާހަކައެއް އިވުނީމާ، އަޅުގަނޑުގެ މަޒްމޫނުގައި އެވާހަކަ މިގެނައީ މިހާދިސާގެ އަޑިހޯދުމުގެ ބޭނުމުގައެވެ. އެމަގްސަދުގައެވެ.
އިލްޔާސް ލިޔުނު ހަގީގަތާ ޚިލާފު ވާހަކައެކޭ ވިދާޅުވެ އަޅުގަނޑަށް މާސިންގާ ހުކުމެއް އިއްވާލެއްވުމަކުން ނުފުދޭނެއެވެ. އެއީ މިގަޒއްޔާއަށް އިންސާފު ދިނުމެއް ނޫނެވެ. ﷲގެ ހަޒުރަތުގައި ގާޒީންނައި ފަނޑިޔާރުންގެ ޒިންމާ ވަރަށް ބޮޑެވެ. މަތިވެރިއެވެ. ގޯދާވަރީގެ އިންޖިނޭރަކު އެވާހަކަ އަޅުގަނޑު ގާތުގައި ކޮންމެ މަގްސަދެއްގައި ދެއްކިޔަސް، އޭނާގެ އެވާހަކަ އަކީ، އޭނާ އެބުނި ގޮތުން ޖޯކެކެވެ. އަޑި ފޮރުވިފައިވާ ހެއްވާ ވާހަކައެކެވެ.
ރައީސް މައުމޫނުވަނީ ދާދިފަހުން ތޮށިގަނޑު ފަޅާލާފައި ނުކުމެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެއްވާފައެވެ. އަޅުގަނޑުގެ މިމަޒްމޫނުގައި ފާޅުކޮށްފައި އެވަނީ އަޅުގަނޑުގެ ޒަމީރަށް ފެނުނުޚިޔާލެކެވެ. އަޅުގަނޑުގެ އޮޕީނިއަން އެވެ. ވިސްނުން ހުރިގޮތެވެ. ޚިޔާލު ފާޅުކުރުމަކީ ކުށެއް ނޫނެވެ. އަޅުގަނޑުގެ ޟަމީރަށްފެންނަ ޚިޔާލީ އެއްޗެއް ބުނެވޭނެ އެވެ. އެޚިޔާލް ފާޅުކުރެ ވޭނެއެވެ. ލިޔެވޭނެއެވެ. ގާޒީހައްދަވާނެ އެއްޗެއް ހައްދަވަން ވީއެވެ! އަޅުގަނޑުގެ ބަޔާނަކީ ސިފައިންނަށް ދީފައިވާ ބަޔާނެކެވެ. ބަޔާން ލިޔުނީ ވެސް އެބޭކަލުންނެވެ. ސޮއިކުރީ އަޅުގަނޑެވެ.
އެއީ ޝަރީޢަތަށް ދީފައިވާބަޔާނެއް ނޫނެވެ. ގާޒީހުކުމް އިއްވަވަންޖެހޭނީ ގާޒީއަށް ލިބިލައްވާ ހެއްކާއިގަރީނާގެ މައްޗަށް ބުރަވެގެންނެވެ. އެބަޔާނަށް ބުރަވެއެއް ނޫނެވެ. ސިފައިންދޭ ބަޔާނަކަށް ހުކުމްއިއްވާ ގާޒީންނަށް ގިޔާމަތް ދުވަހުން، ﷲގެ ލައުނަތް ރައްދުވާ ހުއްޓެވެ! ދައުލަތުގެ ސްޓޭޓު އެޓާނީ ތައުފީގުގެ ރީތިއަޑުން އެވިދާޅުވާ ބަޔާނަކީ، ހަމައެކަނި ސިފައިންގެ މައުލޫމާތަށް އަޅުގަނޑު ދީފައިވާ މަޖްބޫރީހާލަތުގައި އަޅުގަނޑު ބަހައްޓާއިގެން ހޯދާފައިވާ ބަޔާނެކެވެ.
ގާޒީއަކަށް އިންނަވައިގެން އެފަދަބަޔާނަކަށް ޝަރީޢަތް ކުރައްވައިގެން ނުވާނެއެވެ. މަނިކުފާނަށް، ﷲ އާއި ﷲ ގެ ރަސޫލާގެ ލައުނަތް ހުއްނާނެތެވެ! އިސްލާމީ ޝަރީޢަތަށް ފުރައްސާރަ ނުކުރައްވާށެވެ. އާދެ، މިއަދު ކޯޓުގައި އޮތީ ދެޚަސްމުންގެ ފަރާތުން ވާހަކަދެއްކުން އެކަންޏެވެ. އަޅުގަނޑައި ތައުފީގުގެ ވާހަކަ ދެއްކުމެވެ. ކޯޓުގެބައި މިއަދަށް ނިމުމުން، ދޫނިދޫއަށް ގެނެސް، 15 ނަންބަރު ގޮޅިއަށްލައި ތަޅުލީއެވެ. މިއަދު ގެއިން އެއްވެސް މީހަކާ ދިމައެއް ނުވެއެވެ. ގެއަށް މާލެ ގެންނަކަން އެނގިފައި ނެތީކަމަށް ވެދާނެއެވެ.
113 ދުވަހަށްފަހު ގިނަބަޔަކު ގެއަށް ބަދަލުވުން:
14 އޭޕްރީލް 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 113 ވަނަ ދުވަހެވެ. މިއަދުހަވީރު ވަގުތެއްގައި، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަމީހުން ދޫނިދޫންނާއި ގާމާދޫޖަލުން ގެއަށް ބަދަލުކުރި ޚަބަރުލިބުނެވެ. އޭގެތެރޭގައި ކޮއްކޮ އަލީރަޝީދު ހުސައިން އާއި ކޮއްކޮ އިބްރާހީމް ރަޝީދު ހުސައިން (އިބުރޭ) އާއި އަބުދުލްމުޢީދު އާއި އަޒްމީލް އާއި މަސްޢޫދު އާއި އަބްދުލް ހަންނާނު (ހެރިންސް) އާއި ނައުޝާދު ވަހީދު އާއި އަބްދުއްރައްޒާގު ހިމެނެއެވެ. މިއަދަކީ ގިނަބަޔަކަށް އުންމީދީ ދުވަހެކެވެ. އުފާވެރި ދުވަހެކެވެ.
15 އޭޕްރީލް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 114 ވަނަ ދުވަހެވެ. މިއަދަކީ ރޯދަމަހުގެ އެންމެފަހު ދުވަހެވެ. 30 ވަނަރޯދަ ހިފައިގެންހުރި ދުވަހެވެ. މާދަމާ އަކީ ކުޑައީދު ދުވަހެވެ. ކޯޓަށްގެންދަން ބަލާއައުމުން ތައްޔާރުވެގެން ގޮޅިން ނުކުތުމުން، މާލެގެންގޮސް ގެންދިޔައީ ކޯޓްނަންބަރު، 6 އަށެވެ. މިއަދަކީ، އަލްފާޟިލް އިބްރާހީމް ޞާބިރުގެ ހެކިބަސް ހޯދުމަށް ކޯޓަށްހާޒިރު ކުރި ދުވަސްކަން ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑަށް އެނގިއްޖެއެވެ.
ޞާބިރު ދުރުވެ ކޯޓުތެރެއަށް ވެންނެވިތަން އަޅުގަނޑަށް ފެނިއްޖެއެވެ. ޞާބިރު ވެއްދީ އެމީހުންތިބޭ ބަޔަށެވެ. ތިރީބުރީގެ އެތެރެއަށެވެ. އަޅުގަނޑު އިނީ ކޮޓަރިން ބޭރުގައި ގޮނޑިއެއްގައި ބައިންދާފައެވެ. މައްޗަށް ދެމީހުންވެސް އެރުވީއެއް ވަގުތެއްގައި ކަމުން، ޞާބިރައި ވާހަކަދައްކާލާނެ ހިނދުކޮޅެއް ސިޑިމަތިން ލިބުނެވެ. އެހެނަސް ޞާބިރު ހުންނެވީ ވަރަށް ބިރުންނެވެ. ފެނުމުން ތުރުތުރު އަޅުއްވައެވެ. އުޅުއްވީ އަޅުގަނޑު އެއްކިބާކޮށް ލާށެވެ. އިސްދަށަށް ޖެއްސެވީއެވެ.
އެހެނަސް އަޅުގަނޑާ، ޞާބިރުކައިރިވީ ވަގުތުސިޑި މަތީގައި ތިބެ އަރަބިބަހުން ޞާބިރު ކައިރީގައި ކީއްކުރަންތޯއޭ އަހާލުމުން ހެކިބަހަށޭ ވިދާޅުވެއްޖެއެވެ. އިސްލާމީ މަރްކަޒުގައި އަޅުގަނޑުމެންނާ، ބައްދަލުކުރި އިންޑިޔާ މަނަވަރުގެ އިންޖިނޭރު ކަލޭގެ ބުނިވާހަކަ ތެދަށް ވިދާޅުވެ ދެއްވުމަށް އަޅުގަނޑު ޞާބިރު އަރިހުން އެދުނީމެވެ. މިވާހަކައަށް ޞާބިރުވެސް ޖަވާބުދެއްވީ އަރަބިބަހުންނެވެ. ވަރަށްބިރުން ހުންނަވައިގެން ތުރުތުރު އަޅުއްވަމުން އާދޭހޭ ވިދާޅުވިއެވެ!
ޞާބިރު ވެއްދެވީ ގާޒީކޮޓަރިކޮޅުގައި އިދާރީ މީހުން ތިއްބަވާ ތަނަށެވެ. އަޅުގަނޑު ވެއްދީ، ގާޒީކޮޓަރި ކޮޅުގައި ހަދާފައި ހުންނަކުށްވެރިން ބައިތިއްބާ ކޮށިގަނޑަށެވެ. ޞާބިރު އަރިހުން ގާޒީ ސުވާލުކުރެއް ވިއެވެ. އިންޑިޔާމީހާ އިލްޔާސް ކައިރީގައި ހޮސްޓެޖުންގަޔަށް ބަޑިޖެހީ ދިވެހިންނޭ ބުނިއަޑު އެއްސެވިން ތޯއެވެ؟ ޞާބިރު އިރުކޮޅަކު މަޑުން ހުންނަވާފައި ވިދާޅުވީ، ތިމަނާއަށް ނޭނގޭކަމަށެވެ. އޭނާބުނީ ޕްރޮގްރެސް ލައިޓަށް ބަޑިޖެހީ، “ކަލޭމެންނޭ” މިހެންނެވެ. ދެން އިލްޔާސާއި އޭނާ ދެއްކި ވާހަކަތަކެއް ނޭނގެއެވެ. ހަނދާނެއް ނެތެވެ. ޞާބިރު މިގޮތަށް ހެކިބަސް ދެއްވުމުން، މިއަދުގެ ޝަރީޢަތުގެ މަޖިލިސް އެހާ ހިސާބުން ގާޒީ ނިންމާ ލެއްވީއެވެ.
އަލްފާޟިލް އިބްރާހީމް ޞާބިރު މއ.އިރާކުގެ މާލެ މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ދެއްވި ތަފްސީލް ބަޔާނުގައިވަނީ މިގޮތަށެވެ.
“ދައުލަތުގެ އެޓާނީޖެނެރަލްގެ ފަރާތްޕުޅުން އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވާ ތިޔަމައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. އިންޑިޔާގެ މަނަވަރެއް ކަމުގައިވާ އައި އެން އެސް ގޯދާވަރީ މާލޭގެބަނދަރުގައި އޮތްދުވަސްވަރު، އެމީހުންގެ ހެލިކޮޕްޓަރުތަކުގެ އިންޖިނޭރު، އިސްލާމީ މަރްކަޒަށް ޒިޔާރަތްކުރުމުގެ ތެރޭގައި އިލްޔާސް ހުސައިން އިބްރާހީމް އާއެކު ދެއްކިވާހަކައެއް ދެއްކިއިރު އަޅުގަނޑު އެހާޒިރުގައި ހުރީމެވެ.
އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި އެބުނުއްވާ ފަދައިން ޕްރޮގްރެސް ލައިޓަށް ހޮސްޓެޖުން ގަޔަށްބަޑިޖެހީ ދިވެހި ސިފައިންނެކޭ އޭނާނުބުނެއެވެ. އޭނާބުނީ ޕްރޮގްރެސް ލައިޓަށް ބަޑިޖެހީ “ކަލޭމެންނޭ” މިހެންނެވެ. އިލްޔާސް ހުސައިން އިބްރާހީމް އާމެދު އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް ރުޅިވެރިކަމެއް އަޅުގަނޑުގެ ނޯވެއެވެ. އިލްޔާސް ހުސައިން އިބްރާހީމް އަކީ އެއްތަނެއްގައި ވަޒީފާއަދާކުރަން އުޅުމުގެ ސަބަބުން ގާތް ރައްޓެއްސެކެވެ.”
މިބަޔާން މަޙްޟަރުފޮތް، 14 ނަންބަރުގެ (ނ) ވަނަފޮތުގައި، 97 ވަނަ ސޮފްޙާގައި ލިޔެވިފައި ވާނެއެވެ.
ޞާބިރުގެ ހެކިބަސް ހުރި ގޮތުން އަޅުގަނޑު ވަރަށް ދެރަވިއެވެ. ޞާބިރު ގާތުގައި ހަނދާންކޮށް ދިނުމުގެގޮތުން، ޢަރަބިބަހުން މިވާހަކަ ނަންގަތީމާ ވެސް ބިރުންގޮސް ހަގީގަތް ހާމަކޮށް ދެއްވަން ކެރިވަޑައި ނުގަތީއެވެ. ނުވަތަ ހަނދުމަފުޅު ހަގީގަތުގައި ވެސް ހުރި ގޮތްކަމަށް ވެސް ވެދާނެއެވެ. ނޫނީ ރައީސްމައުމޫނު ކިޔަވާވިދާޅުވި ދުވަސްވަރުގެ އެކުވެރިޔަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ! އަޅުގަނޑު ހިތްބުރައެއް ނުކުރަމެވެ. އެއީ އެބޭފޫޅާއަށް އޮތް ފުރިހަމަ އިޚްތިޔާރެކެވެ.
އިންޖިނޭރުކަލޭގެ ކިޔައިދިން ގޮތަށް، ޝަރީޢަތުގެ މަޖިލީހުގައި ގާޒީގެ ކުރިފުޅު މަތީގައި ކިޔައި ދެއްވަން ނޭނގުނީއެވެ. ޞާބިރު މިހެންހައްދަވާނެ ކަމަށް އެއްގޮތަކަށް ވެސް އަޅުގަނޑުގެ ހިތަކަށް ނާރައެވެ. އަދި ގަބޫލެއްވެސް ނުކުރެވެއެވެ. ކުރާނެކަމެއް ނެތެވެ! ޞާބިރު މިހެންހެއްދެވީމާ އެދުވަހު ކުޑަކޮށް އަސަރުކުރިއެވެ. ހަގީގީ ރަހްމަތްތެރިން އެނގޭނީ ކަމެއްދިމާވީމައެވެ!
މައްސަލައެއް ނެތޭހިތަށް އަރުވާލައި، ﷲއަށް ޙަމްދާއި ޝުކުރުކޮށްލީއެވެ. އަދި އެހިނދު އަޅުގަނޑަށް، ހިތްވަރާއި ސާބިތުކަން ދެއްވުންއެދި، ﷲއަށް ދުޢާ ދެންނެވީއެވެ. ދުނިޔެމަތީގައި ޒުލްމުވެރިވެ ކޮންމެގޮތެއް ވެސް ހެދިދާނެކަން ގަބޫލުކުރެވުނެވެ. އެހެނަސް ހަގީގަތްވާނީ ހަގީގަތަށެވެ. ﷲ ދެނެވޮޑިގެން ވާނެއެވެ! ކޯޓުން ނެރުނު އިރު، ބޮޑުދޮރު ކައިރިން ދޮންދައްތައާ ދިމާވިއެވެ. ގޭގެޚަބަރުތައް ރަނގަޅުކަމަށް ދޮންދައްތަ ބުނެދިނެވެ. ލޯބިވާ މަންމަ އޯކޭއެވެ. މާމަ ބައްޔެވެ!
އަދި އިބުރޭއާއި އަލީރަޝީދު އާއި މުޢީދު އާއި އަޒްމީލް އާއި ނައުޝާދު މިއެންމެން ގެއަށް ބަދަލުކޮށްފި ވާހަކަވެސް ބުންޏެވެ. އިބުރޭ އިނދެގެން އުޅެނީ، އަންބަރީ އަބްދުއްސައްތާރުގެ އަނބިކަނބަލުން އަނީސާއަހްމަދުގެ ކޮއްކޮއަކާއެވެ. އެހެންވުމުން ތަންކޮޅެއް ކުރިންވެސް އިބުރޭއަށް ލުޔެއްލިބޭތޯ އަނީސާ ފަޅިން މަސައްކަތްކުރާ ވާހަކަ ވަނީ އަހާފައެވެ.
ކޮންމެއަކަސް ދެކޮއްކޮއިން ގެއަށް ބަދަލުވުމުން މިހާރު ޖަލުގައި ޖަވާހިރުވާދީން މިތިބީ، ބިގޭއާއި ހަންދުއާއި އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. ކޯޓަށް ގެންދާކޮންމެ ދުވަހަކު، ދޮންދައްތައާ ދިމާވެ ގޭގެޚަބަރުތައް އެންމެހާ ސާފުކޮށް ލިބޭތީ ވަރަށް އުފާވެއެވެ. އުންމީދު އާވެއެވެ. ސިކުނޑިތާޒާ ވެއެވެ. ހިތްވަރު ގަދަވެއެވެ.
ޖަލުގެ ކުޑަގޮޅީގައި ހުންނައިރު އަބަދުވެސް އަޅުގަނޑު ހުންނަނީ، ކުރިމަގަށް ވިސްނާއިފިކުރު ކުރުމުގެ ތެރޭގައެވެ. އަބަދު ވެސް ސިކުނޑި އެކަމުގައި މަޝްޣޫލުކޮށް ގެނެވެ. އުފާވެރި އުންމީދުތައް ތާޒާކޮށްލަ ކޮށްލައެވެ. އޭރުންވަގުތު ދާލެއްވަރަށް އަވަސްވެއެވެ. ހިތްހަމަޖެހި އަޒުމް ވަރުގަދަ ވެއެވެ. ރޫހުއާލާވެއެވެ. ހިތްވަރު އިތުރުވެއެވެ. ކޯޓުން ނެރެގެން ދޫނިދޫއަށް ގެނެސް ވެއްދީ، 15 ނަންބަރު ގޮޅިއަށެވެ. މިއަދަކީ ރަމަޟާންމަހުގެ އެންމެފަހު ރޯދައެވެ. ކުޑަގޮޅީގައި ރޯދަމަހެއް ނިންމާ ލެވުނީއެވެ. ﷲއަށް ހަމްދާއި ޝުކުރު ދަންނަވަމެވެ!
ޖަލުގެ ފުރަތަމަ އީދު ދުވަސް:
16 އޭޕްރީލް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 115 ވަނަދުވަހެވެ. މިއީ އުފާވެރި ފިތްރުޢީދު ދުވަހެވެ. ކުޑަ އީދެވެ. ޖަލުގައި ހޭދަކުރާ ފުރަތަކަ އީދެވެ. އަޑުއިވޭ ފަށުގައި ތިބި ޖަލުގެ އެންމެންނަށް ހަރުއަޑުން ޢީދުމުބާރިކް ގޮވުންއޮތެވެ. މަޑުމައިތިރި ރަނގަޅު ގާޑުންނަށް ޢީދުސަލާން ކުރުން ބޭއްވީމެވެ. ޢީދުއައި އިރު ޖަލުގައި އަޅުގަނޑުމެންގެ މައްސަލައާގުޅޭ ބޭފުޅުންނަށް ތިއްބެވީ، 2 ނަންބަރު ގޮޅީގައި ބޮޑު ސައްޕެއާއި، 3 ނަންބަރުގޮޅީގައި ބިގޭއާއި، 7 ނަންބަރުގޮޅީގައި އަންނި އާއި، 8 ނަންބަރުގޮޅީގައި އަބްދުﷲ ސަލީމާއި، 15 ނަންބަރުގޮޅީގައި އަޅުގަނޑާއި، 12 ނަންބަރުގޮޅީގައި އަބްދުﷲ ހުސައިނެވެ.
ފަހުން، 12 ނަންބަރަށް އަބްދުﷲ ހުސައިން ބަދަލުކުރީއެވެ. މިމައްސަލައާ ގުޅޭ ގޮތުން ތިބީ ޖުމްލަ، 7 މީހުންނެވެ. ދެން އެހެނިހެން މައްސަލަތަކުގެ ބައެއްމީހުން ތިއްބެވެ. ޢީދުދުވަހު އެންމެ އުފާވީ، ގެއިން ,މަންމަފޮނުވި ފުޑްބާސްކެޓެއް، ކާނާވަށިގަނޑެއް ފުރަތަމަ ފަހަރަށް ލިބުނީމައެވެ. ވަށިގަނޑު ތެރޭގައި ވަރަށްގިނަ ކާއެއްޗެހި ހުއްޓެވެ. ވަރަށްމީރުކޮށް ގޮޅީގައި އެކަނި އިނދެގެން ކާލެވުނު ދުވަހެކެވެ. 115 ދުވަސްކޮށްފައި މަންމައަތުން ހަދާފައިވާ މީރުއެއްޗެއް ކާލަންލިބުނީއެވެ.
ފަހުން އެނގުނު ގޮތުގައި ހަންދު އާއި ބިގޭ އާއި އަންނިއަށް ވެސް ގެއިން ކާނާ ވަށިގަނޑުތައް އެދުވަހު ލިބުނެވެ. ޖަލުތެރޭގައި މިއީވަރަށް އުފާވެރި ދުވަހަކަށް ވިއެވެ. އެހެނަސް ނުކުމެ އެކަކުއަނެކަކާ ވާހަކަ ދައްކާލާ ނުހެދޭތީ އެކަނިވެރިކަން ވަރަށްބޮޑަށް އިހްސާސް ކުރެވުނެވެ. ރައްޓެހި ބައެއްގާޑުން އައުމުން، އެކަކުއަނެކަކަށް ކާނާބަދަލުކުރުން އެރޭއޮތެވެ. އަދި ގާޑުންނާއެކު ޝެއާކުރުން ވެސް އޮތެވެ.
ވަރަށްހެޔޮ އިންސާނީވަންތަ ރަނގަޅުގާޑުންނާ ވެސް ދިމާވެއެވެ. ސިފައިންގެ ވަޒީފާއަދާކުރާ ހިތްތިރި ހިތްހިޔޮ ރަނގަޅު ކުދިންނެވެ. ޖަލުގައި ތިބިއިރު ހުރިހާ ވައްތަރެއްގެ ކުދިންނާވެސް ދިމާވިއެވެ. އަޅުގަނޑު މެންނަށް ކަންތައްކޮށްދީފައި ޝަކްވާ އުފުލާ ކުދިންނާ ވެސް މަދުން ދިމާވިއެވެ. އަނެއްކޮޅުން އަބަދުވެސް ރުޅިއައިސްފައި ތިބޭ ގާޑުންނާވެސް ދިމާވެއެވެ.
29 އޭޕްރީލް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 128 ވަނަދުވަހެވެ. މިއަދު މާލެއަށް ކޯޓްނަންބަރު، 6 ށް ގެންދިޔައެވެ. މަންތިރީގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ބަޔާނުގައި ސޮއިކުރުވާށެވެ. ބައެއްތަންކޮޅުތައް ރަނގަޅު ކުރުވުމަށް ފަހު، ސޮއިކޮށްލީއެވެ. ވަރަށް ފަސޭހައިން އެކަން ނިމިއްޖެއެވެ. ދެން ދޫނިދޫއަށް ގެނެސް ގޮޅިއަށްލާ ތަޅުލީއެވެ.
30 އޭޕްރީލް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 129 ވަނަދުވަހެވެ. މިއަދު ކޯޓްނަންބަރު: 6 އަށް ގެންދިޔައެވެ. ހުރިހާ ބަޔާންތަކެއްގައި ސޮއިކުރެވިފައި ހުރުމުން، މިއަދު މިގެންދަނީ ހުކުމެއް އިއްވަންކަމުގައި ލަފާކުރެވުނެވެ. ކޯޓުގެ މައްޗަށް ގާޒިގެއަރިހަށް ވެއްދުމާއެކު ފުރަތަމަވެސް އިއްވަން ފެއްޓެވީ ހުކުމެވެ. އިތުރު އެއްވެސް ވާހަކައެއް އެއްޗެއް ވިދާޅެއްނުވެއެވެ. ގާޒީ އެއްފަހަރުވެސް އިސްއުފުއްލަވާ ލައްވައި އަޅުގަނޑާ ދިމާއަށް ބައްލަވާވެސް ނުލައްވައެވެ.
ހުކުމްއިއްވާ ނިމިވަޑައި ގަންނަވަންދެން އިންނެވީ އިސްދަށަށް ޖައްސަވައި ގެންނެވެ. ބާރުބާރަށް ހުކުމް ވިދާޅުވަމުން ގެންދެވިއެވެ. ފެންނަފެނުމަށް ހީވަނީ، މަޖްބޫރީ ހާލަތުގައި އިންނަވައިގެން ކުރައްވާކަމެއް ހެނެވެ. ގާޒީގެ ބޭރުފުށުން މިކަހަލަ ސިފަތަކެއް އަޅުގަނޑަށް އިހްސާސް ކުރެވެމުން ދިޔައެވެ. ކޯފާވެފައި އިންނެވި ވަށްތަރަށްވުރެ ލަދުރަކިހާލަތުގައި މަޖުބޫރީ ހާލަތެއްގައި އިންނެވި ވައްތަރު ގާޒީގެ އަމަލުތަކުން ދައްކައެވެ. އިސްއުފުއްލަވާ ނުލައްވާއި އަޅުގަނޑުގެ މޫނަށް ބައްލަވާލައްވަން ނުކެރިފައި އިންނެވިކަމަށް ފާހަގަކުރެވުނެވެ.
އަޅުގަނޑު މައްޗަށް މިހުކުމްތައް އިއްވަން ގާޒީ ބޭނުންފުޅު ވެލައްވާނަމަ، އިންނެވީހީ ވަރަށްފޯރީގައި ކޯވާވެފައި އިންނަވާ ގޮތަށެވެ. އަދި އަޅުގަނޑުގެ މޫނަށް ބައްލަވަމުން ރުޅިވެރިކަމުގައި ގަދަފޯރިއާ އެކުގައި މިކަން ކުރެއްވީހެވެ. މިއީ ގާޒީގެ ކުރިމަތީގައި ހުކުމް އަޑުއަހަން އަޅުގަނޑު ހުރިއިރު އަޅުގަނޑުގެ ހިތަށް ތަސައްވަރު ކުރެވުނު އިހްސާސްތަކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑާ ދިމާއަށް ބައްލަވާއި ލޯއަޅާލާކަށް ނުހައްދަވައެވެ. އެއްފަހަރު ވެސް ހަތަރުކަޅި ހަމައެއް ނުކުރައްވައެވެ. އަޅުގަނޑުދެކެ ރުޅިއައުމުގެ ބަދަލުގައި ގާޒީއިންނެވީ، ލަދުގަނެފައެވެ. އެއިން ފާހަގަ ވަނީ ދެކެވުނު ވާހަކަތަކުގެ އަސަރު ކުރި ކަމަށެވެ!
އާދެ! މިގާޒީއަކީ، އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދެވެ. މިސުރުން ކިޔަވާވިދާޅު ވެގެން ހުންނެވި، ޑޮކްޓަރ އަބްދުލްހަމީދުގެ ކޮއްކޯފުޅެކެވެ. ހަމީދަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. ހއ.ދިއްދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. މިއަދު އިއްވަވާ ނިންމަވާ ލެއްވީ ދެމައްސަލައެއްގެ ދެހުކުމެވެ. ފުރަތަމަ އިއްވިހުކުމަކީ، އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތާ ގުޅިގެން ސަޓޯބަންދުގައި ހުންނަވަނިކޮށް އެންދެރިމާގޭ އިލްޔާސް އިބްރާހީމް ކޯޑްލެސްފީނަކުން އޭނަޔާ ދެއްކެވި ސިއްރު ވާހަކަތައް ރެކޯޑްކޮށްފައި އޮތް ކެސެޓްރޯލެއް އަޑުއަހާއި އެހެންމީހުންނަށް ބަހާހެދި މައްސަލައި ގެ ކުށަށެވެ.
މިގަޒިއްޔާގެ ނަންބަރަކީ، 90/6-ޖޭސީ/429 އެވެ.
ދައުވާފޯމް ނަންބަރަކީ، 90/231 އެވެ.
ދައުވާކުރާ ފަރާތަކީ، އެޓަރނީ ޖެނެރަލް އޮފީހެވެ.
ގަޒިއްޔާގެ ބާވަތަކީ، ގާނޫނާޚިލާފުވުމެވެ.
ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ފަރާތަކީ، އެޓާރނީޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޒު މުހަންމަދު ތައުފީގެވެ.
މައްސަލަ ހުށަހެޅުނު ތާރީޚަކީ، 20 އޮކްޓޯބަރ 1990 އެވެ.
މައްސަލަ ނިމުނު ތާރީޚަކީ، 30 އޭޕްރީލް 1991 އެވެ.
ދައުވާލިބޭ ފަރާތަކީ، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމެވެ.
ފާހަގަކުރެވޭ ނުކުތާތައް:
1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން، ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމުގެ މައްޗަށް ދައުވާ ކުރައްވަނީ، އާމުންނާވާހަކަ ދެއްކުންމަނާކޮށް ޖަލުގައި ހައްޔަރުކޮށްފައި އިންމީހަކާއެހެން މީހަކުޓެލެފޯނުން ދެއްކި ވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާ އެރެކޯޑް ކުރުވާ، ރެކޯޑްކޮށްފައިވާ ރޯލް އެހެން މީހުންނަށްދީ އަދި އެކަންކަމާބެހޭ ފަރާތަށް ނާންގާ ހުރެގެން މިދެކަމުގެ މައްޗަށެވެ.
(އާންމުންނާ ވާހަކަދެއްކުން މަނާވުމަކީ ތުހުމަތު ކުރެވުނު ކަމާގުޅިގެން ސަރުކާރުގެ ވަޒީފާގައި ހުންނެވި ޚައްސަ މީހަކަށް ވިޔަސް އަދި މިނިސްޓަރަކަށް ވިޔަސް ސިއްރުން ސިފައިންގެ މީހަކު މެދުވެރިކޮށްގެން ކޯޑްލެސް ފޯނެއް ޖަލަށް ވައްދާއި އޭގެ ޒަރީޢާއިން ޖަލުގައި ހައްޔަރުކޮށް ބަންދުކޮށްފައިހުރި މީހަކާ އެއްވެސް ވާހަކައެއް އެފެންވަރުގެ ބޭފުޅަކު ދެއްކުމަކީ ދިވެހިދައުލަތުގެ ސިޔާދަތާއި ކަރާމާތަށް އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ މުޅިން ޚިލާފު އަމަލަކަށް ނޫނީނުވާނެއެވެ. މިފަދަ ގަޒިއްޔާއެއް ނިންމާއިރު އެފަދަ އަމަލެއް ރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސާހަވާލުވެ ހުންނެވި ބޭފުޅަކު ކުރެއްވުމުން އޭނާގެ ބަހެއްކޯޓުގައި ނެތި މިފަދަހުކުމެއްގެ ނިޔާކަނޑައެޅުމަކީ އިންސާފެއް ނޫނެވެ.)
2- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ދައުލަތުން އެކުރެއްވި ދައުވާގެ އަސްލަށް އިންކާރު ކުރާކަމަށާއި އެއީ އެއްގޮތަކަށް ވެސް ތެލެފޯން ކޯލެއްކަމެއް އެނގިފައި ނުވާކަމަށެވެ. ވާހަކަދެއްކެވި ފަރާތްކަމުގައިވާ، އިލްޔާސް އިބްރާހީމް ޝަރީޢަތަށް ހާޒިރު ކުރައްވާފައެއް ނެތެވެ.
(އެންދެރިމާގޭ އިލްޔާސް އިބްރާހީމް، އޭރުގެ މިނިސްޓްރީ އޮފް ޑިފެންސާ ހަވާލުވެގެން ހުންނެވި ބޭފުޅާގެ އަމިއްލަފުޅު ރޯލެއް މިގަޒިއްޔާގައި ބޮޑުކޮށް އޮތްހިނދު އޭނާގެ ބަހެއް ނެތި، އަދި އޭނާކޯޓަށް ހާޒިރުނުކޮށް މިގަޒިއްޔާގެ ހުކުމް ސާބިތުކުރެވޭނެ ގޮތެއް ވުޖޫދުގައި ނޯންނާނެއެވެ.)
3- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ބަލާއިރު ދައުލަތުން ކުރައްވާ ދައުވާއަށް ޝަރީޢަތުގެ މަޖިލިސްގައި އިންކާރުކުރި ކަމުގައިވިޔަސް ތަހުގީގުގައި ވެފައިވާ މިއިއުތިރާފަކީ، ގަވާއިދު ހަމަޖެހިފައިވާ ގޮތުން އިލްޔާސް ހުސައިން އިބްރާހީމަށް ރުޖޫޢަ ނުވެވޭނެ އިއުތިރާފަކަށްވާ ކަމަށްޓަކާ، ތަހުގީގުގައި ވެފައިވާ އިއުތިރާފުން ދެމީހަކު ތެލެފޯނުންދެއްވި ވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާއި ރެކޯޑްކޮށްފައިވާރޯލް އެހެންމީހުންނަށް ދިނުމާއި އެވާހަކަ ދެއްކުމާއި އެކަންކަމާބެހޭ ފަރާތަށް ނާންގާހުރިކަން ޝަރީއަތަށް ސާބިތުވެއެވެ.
(މިއީ އާރެއްލާއި އޮއްޓަރެއް ހުރި ޝަރުޢީ އެއްވެސް ހަމައެއް ނޫނެވެ. ބުރަދަން ހުރި ޝަރުޢީ ޢުންޞުރެއްނެތެވެ. ގާނޫނީޢިލްމުގެ ކުރިމަތީގައި ދިމާ އިދިކޮޅު އަސްލެއް ނެތް ޝާޒުވާހަކަ އެކެވެ. މިއީކީ ހުކުމެއް ސާބިތުކުރުމަށް ބޭނުންހިފޭނެ ޢިއްލަތެއް ވެސް ނޫނެވެ. މިކަން ސާބިތު ވާނީ ދެމީހެއްގެ މިއީ އަސްލު ފޯނުކޯލެއްކަން ސާބިތުވެގެންނެވެ.)
4- މިރޯލްގެވާހަކަ ކަމާބެހޭފަރާތަށް އިލްޔާސް ހުސައިން އިބްރާހީމް އަންގާފައިނުވާތީ، ދައުލަތުން ކުރައްވާދައުވާއަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމަކީ، އެރޯލްއަޑުއަހާއި ރެކޯޑްކޮށްފައިވާރޯލް އެހެންމީހުންނަށް އަޑުއަހަންދިނުމާއި އެވާހަކަދައްކާއި ހެދިކަމަށް ވާހިނދު ގާނޫނު އަސާސީގެ، 12 ވަނަ މާއްދާއާއި އިލްޔާސް ހުސައިން އިބްރާހީމް ޚިލާފުވުމުގެކުށް އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ސާބިތުވާ ކަމަށްޓަކާ، އަދި އެކަންކަމާބެހޭ ފަރާތަށް ނާންގާހުރެގެން ދައުލަތުންކުރައްވާ ދައުވާއަށް ގާނޫނުލް އުގޫބާތުގެ، 72 ވަނަމާއްދާގެ ދަށުން އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް އުގޫބާތް ކަނޑައަޅާނެ ތަނެއްއޮތް ކަމަށް ޝަރީޢަތުގެ މަޖިލީހަކަށް ނުފެނެއެވެ.
ހުކުމް:
ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، ދައުލަތުން ކުރައްވާ ދައުވާއާއި އެއްގޮތަށް ދެމީހަކު ތެލެފޯނުން ދެއްކިވާހަކަ ތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާއި އެވާހަކަތައް ރެކޯޑްކޮށްފައިވާ ރޯލް އެހެންމީހުންނަށްދީ އެވާހަކައެކި މީސްމީހުން ގާތުގައި ދައްކާހެދިކަމަށް ޝަރީޢަތުގެ މަޖިލިސްގައާއި ތަހުގީގުގައި އިލްޔާސް ހުސައިން އިބްރާހީމް ބުނެފައިވާ އިއުތިރާފުން، ޝަރީޢަތަށް ސާބިތުވީހިނދު ގާނޫނު އަސާސީގެ، 12 ވަނަމާއްދާއާ ޚިލާފުވުމުގެ ކުށުން އިލްޔާސް ހުސައިން އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާއި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ، 88 ވަނަމާއްދާގެ (ހ) ގެދަށުން އިލްޔާސް ހުސައިން އިބްރާހީމް، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް، މިގަޒިއްޔާ ނިންމީއެވެ. މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ، އަބްދުލް ޣަފޫރުއަހްމަދު، ޖަސްޓިސްގެ ޚާއްސަގާޒީއެވެ.
އާދެ! ހީކުރެވުނު ގޮތައި މުޅިން ޚިލާފަށް އިލްޔާސް ސަޓޯ ކެސެޓްރޯލަށް ހުކުމެއް އިއްވާ ގާޒީ މިނިންމާ ލެއްވީއެވެ. 6 މަސްދުވަހަށް އަރުވާލުމުގެ މިހުކުމް އިއްވާ ނިމުމާއެކު ގާޒީއަނެއް މައްސަލައިގެ ހުކުމް އިއްވަން ފެއްޓެވިއެވެ. ދޭތެރޭގައި އެއްވެސް ހިނދުކޮޅެއް ނުދެއްވައެވެ. މިދެހުކުމް އިއްވެވީ ޖެހިޖެހިގެންނެވެ. ދެގަޒިއްޔާއެއްގެެ ދެހުކުމަށް ވާގޮތަށެވެ. ދެވަނައަށް މިއަދު މިނިންމެވީ، ތަހުގީގަށް ދޮގުމައުލޫމާތު ދިނުމާގުޅިގެން، 3 (ތިނެއް) މަސްދުވަހަށް ގޭގައިބަންދު ކުރުމުގެ ހުކުމެވެ.
މިހުކުމުގެ ގަޒިއްޔާނަންބަރަކީ، 91/6-ޖޭސީ/193 އެވެ.
ދައުވާފޯމް ނަންބަރަކީ، 91/123 އެވެ.
ދައުވާކުރާ ފަރާތަކީ، އެޓަރނީޖެނެރަލްގެ އޮފީހެވެ.
ގަޒިއްޔާގެ ބާވަތަކީ، ދޮގުމައުލޫމާތު ދިނުމެވެ.
ދައުލަތުގެ ފަރާތުން ދައުވާކުރައްވަނީ، އެޓަރނީޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ.
ހުށަހެޅުނު ތާރީޚަކީ، 10 އޭޕްރީލް 1991 އެވެ.
ނިމުނުތާރީޚަކީ، 30 އެޕްރީލް 1991 އެވެ.
ދައުވާލިބޭ ފަރާތަކީ، ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމެވެ.
ފާހަގަކުރެވޭ ނުކުތާތައް:
1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، މައްސަލައަކާ ގުޅިގެން އިލްޔާސް ހުސައިން އިބްރާހީމް، ޕޮލިސް ހެޑްކުއާޓަޒްއަށް ހާޒިރުކޮށް ސުވާލުކުރުމުން ތަހުގީގުގައި ދޮގުހެދިކަމަށް އިއުތިރާފް ވެފައިވާތީ މިކުށުގެ މައްޗަށެވެ.
2- ދައުލަތުން ދައުވާކުރެއްވި ފަދައިން އެރޯލްލިބުނުގޮތް އިލްޔާސް ހުސައިން އިބްރާހީމްގެ ބަޔާނުގައި އެވަނީކަމަށާއި ނަމަވެސް ކުރިންދިން ބަޔާނުގައި އެރޯލްލިބުނުގޮތެއް ނޭނގޭކަމަށް ދަންނަވާފައި އެވަނީ އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ މިމައްސަލައިގެ ތެރެއަށް ނުވެއްދުމަށް ބޭނުންވާތީކަމަށް ޝަރީޢަތުގެ މަޖިލިސްގައި އިލްޔާސް ހުސައިން އިބްރާހީމް ބުނެ އިއުތިރާފް ވެފައި ވެއެވެ.
(ގާޒީއަށް އަޅުގަނޑު ދަންނަވާފައި ވާނީ، މިކަން އަޅުގަނޑުގެ ކުރީ އަމިއްލަ ނަފްސާއި ލޭގެ ދިފާޢުގައި ކަމަށެވެ. އަޅުގަނޑުގެ އެއްބަޑުއެއްބަފާ ފުރާނެއެއް ސަލާމަތްކުރުމަކީ އަޅުގަނޑުގެ ނަފްސާއިލޭދިފާޢު ކުރުން ނޫންކަމަކަށް ނުވާނެކަމަށެވެ.)
3- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު އެބަޔާނުގައި ބުނެފައިވަނީ، ޕޮލިސްހެޑްކުއާޓަޒްގައި ކުރިންދީފައިވާ ބަޔާނުގައި އެރޯލް އިލްޔާސް ހުސައިން އިބްރާހީމަށް ދިން ނުވަތަ އިލްޔާސް ހުސައިން އިބްރާހީމްގެ މޭޒުމަތީގައި އެރޯލްބޭއްވި މީހަކުނޭންގޭ ކަމަށް ދެންނެވުނު ގޮތަކީ، އެރޯލް އިލްޔާސް ހުސައިން އިބްރާހީމަށް ދިނީ ޖަވާހިރުވާދީ އަހްމަދު ރަޝީދު ހުސައިން ކަމަށްވެފައި އަހްމަދު ރަޝީދަކީ، އެއްބަނޑު އެއްބަފާ ކޮއްކޮކަމަށް ވާތީ އަމިއްލަ ނަފްސުދިފާޢު ކުރުމަށާއި އޭނާމި މައްސަލައިގެ ތެރެއަށް ނުވެއްދުމުގެ ގޮތުން ދެންނެވި ދެންނެވުމެއް ކަމަށެވެ.
ހުކުމް:
ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު ދައުލަތުން ކުރެއްވި ދައުވާއާއެއް ގޮތަށް މައްސަލައަކާ ގުޅިގެން އިލްޔާސް ހުސައިން އިބްރާހީމް ޕޮލިސް ހެޑްކުއާޓަޒަށް ހާޒިރުކުރައްވާ ސުވާލުކުރެއްވުމުން ތަހުގީގުގައި ދޮގުހެދިކަމަށް ޝަރީޢަތުގެ މަޖިލީހުގަޔާއި ތަހުގީގުގައި ބުނެފައިވާ އިއުތިރާފުން ޝަރީޢަތަށް ސާބިތުވާ ހިނދު ގާނޫނުލް އުގޫބާތުގެ، 62 ވަނަމާއްދާގެ ދަށުން ދޮގުހެދުމުގެ ކުށުން، އިލްޔާސް ހުސައިން އިބްރާހީމް، ކުށްވެރި ވެއްޖެކަމަށް ކަނޑައަޅާއި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް މިސާބިތުވި ކުށުގެ މައްޗަށް އުގޫބާތެއްގެގޮތުން ގާނޫނުލްއުގޫބާތުގެ، 63 ވަނަމާއްދާގެދަށުން، އިލްޔާސް ހުސައިން އިބްރާހީމް، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ.
މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ، އަބްދުލްޣަފޫރު އަހްމަދު ޖަސްޓިސްގެ ޚާއްސަގާޒީއެވެ.
މިއަދުގެ ދެހުކުމްއިއްވާ ނިމުމުން، ކޯޓުންނެރެގެން ގެންގޮސް މާލޭގައި އެއްގޮތަކަށް ވެސް މަޑުނުކޮށް ގެންދިޔައީ ސީދާ ދޫނިދޫއަށެވެ. މިއަދުގެ ހުކުމް އިއްވުން ނިމުނީ މެންދުރު، 11:45 އެހާކަންހާ އިރުއެވެ.
އުފަންދުވަސް ކުޑަގޮޅީގައި:
5 މެއި 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 134 ވަނަދުވަހެވެ. މިއަދަކީ ވަރަށްއުފާވެރި ދުވަހެކެވެ. އަޅުގަނޑުގެ އުފަންދުވަހެވެ. މިއަދަކީ އުމުރުން، 34 އަހަރުފުރުނު އުފަންދުވަހެވެ. މިއީ ޖަލުގެ ކުޑަގޮޅީގައި އުފަން ދުވަހެއް ފާހަގަކުރާ ފުރަތަމަ ދުވަހެވެ. ފުރަތަމަ ފަހަރެވެ. ހުރީ މީހަކާ ނުއިނދެއެވެ. އަޅުގަނޑު ވިހެއީ، 05.05.1957 މ.ގައެވެ. ޖަލުގެ ކުޑަގޮޅީގައި ބަންދުވެފައި އިނުމުން ވަކިކުރާނެ ކަމެއްނެތެވެ. އަމިއްލައަށް އަޒުމް ވަރުގަދަކޮށްލައި، ﷲ އަށް ދުޢާދަންނަވާއި ހެޔޮރަހްމަތަށް އެދި، ﷲއަށް ދެންނެވީމެވެ. ދުޅަހެޔޮ ދިގު އުމުރެއް ދެއްވުން އެދި ދެންނެވީމެވެ! އާމީން!
30 މެއި 1991 ވީބުރާސްފަތި ދުވަހު ހަންދުއާއި ބިގޭއާއި އަބްދުﷲ ސަލީމާއި އިބްރާހީމް ނަސީމް (ކިޔޮޅު) ކޯޓުނަންބަރު ހައަކަށް ގެންދިޔައެވެ. އެމްޓީސީސީގެ ކޮއިމަލާ ލާންޗުގައި ކަޓޫރަބޮމެއް ގޮއްވާލިކަމުގެ ކުށަށް ދައުލަތުން ދައުވާ އުފުލުމަށެވެ. މިދައުވާގެ ގަޒިއްޔާ ނަންބަރަކީ، 91/6-ސީޖޭ/326 އެވެ.
ގަޒިއްޔާގެ ބާވަތަކީ ޓެރަރިޒަމެވެ.
ވަކާލާތު ކުރެއްވީ އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓަރނީ އަލްއުސްތާޒު އަބްދުﷲ ޒުހައިރެވެ.
މިގަޒިއްޔާ ނިންމީ ވަރަށް ދިގުދަންމާފައެވެ. ނިންމި ތާރީޚަކީ، 26 އޮގަސްޓް 1992 އެވެ. ~ނުނިމޭ~



Comments