ﷲ އަކުބަރުގެ އަޑުއުފުލަމުންދިޔަ ބަޔަކަށް އިސްވެޙަމަލާދިނުން.
- ilyashusein
- Oct 15, 2009
- 4 min read
އިލްޔާސްޙުސައިންއިބްރާހީމް. (ލިޔުނީ: 2007މ، ގައި)
ﷲ އުޑުތަކާއި ބިން ޙައްޤުގޮތުގައި އުފެއްދެވިއެވެ. ހަމަކަށަވަރުން، އެއީ އެންމެހާ މުއުމިނުންނަށް އެކަލާނގެ ވޮޑިގެންވާކަމަށް ހުރި ދަލީލުތަކެކެވެ. ފަހެ ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
“ކަލޭގެފާނަށް ބާއްވާލެއްވުނު ޤުރުއާން ކިޔަވާވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަށަވަރުން ނަމާދު، ފާޙިޝްކަންތަކާއި މުންކަރާތްތައް ނަހީކުރެއެވެ. ﷲ ހަނދާންކުރުމަކީ، ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާކަންތައްތައް ﷲ ދެނެވޮޑިގެން ވެއެވެ.”
އާދެ! މިއީ، މުޙަންމަދު ގެފާނަށާއި މުޅިއިސްލާމީ އުންމަތަށް ﷲ ކުރައްވާފައި އޮތް ވަރުގަދަ އަމުރުފުޅެކެވެ. ޙާކިމުންނާއި މަޙްކޫމުންނަށް ތަބާވާންޖެހޭ އަމުރުފުޅެކެވެ. ކޮންމެހުކުރު ދުވަހަކު ހުކުރުނަމާދުގެ ޚުޠުބާ ނިންމާލަނީ، މިމަތިވެރި އަމުރުފުޅު މުޅި ދުނިޔެއަށް ހަދާންކޮށް ދެމުންނެވެ.
ފަހެ، މިނިކަމެތިއަޅާ ބުނެހާމަކުރަމެވެ! 7 އޮކްޓޯބަރ 2007މ، 25 ރަމަޟާން 1428ހ. (އާދީއްތަ) ދުވަހު، މެންދުރުފަހުގެ ވަގުތެއްގައި ދިވެހި އިސްލާމީ ޖުމްހޫރިއްޔާގެ ފުލުހުންނާއި ސިފައިން، އަރިއަތޮޅު އުތުރުބުރީ ހިމަންދޫގައި ހިންގާފައިވާ ޢަސްކަރީ ޙަމަލާއަކީ، ދުނިޔޭގެ ސުޕަރޕަވަރ ކަމަށް ދަޢުވާކުރާ އެމެރިކާ، އަފްޣާނިސްތާނާއި ޢިރާޤުގެ މުސްލިމުންނާމެދު، ހިންގަމުން ގެންދާ އުޞޫލަށް ކޮށްފައިވާ ވަޙުޝީޢަމަލެކެވެ. އަދި މިހާރުވެސް އެމެރިކާމީހުން އިސްމުޝީރުންގެ ގޮތުގައި ތިބެގެން މުސްލިމްޤައުމެއް ކަމުގައިވާ ޕާކިސްތާނުގައި އެކިއަވަށް ތަކުގައި ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ ހިންގާ ގޮތްކުޑަ މުޑުދާރު ޖަރީމާތަކައި އެއްއުޞޫލުން ކުރިކަމެކެވެ. ފުރަތަމަ ބުރުގައި ފިނޑިވެ ފަހަތަށް ޖެހެންޖެހުނީ، މިކަހަލަ ސަބަބުތަކެއް އެކުލެވިފައި ހުރެގެންނެވެ. ފަހެ، ދަންނާށެވެ! ﷲ އަކުބަރުގެ އަޑުއުފުލާނެ ބަޔަކު އަބަދުވެސް ދުނިޔޭގައި ތިބޭނެއެވެ. އެކަން ނައްތައެއް ނުލެވޭނެއެވެ. އެއީ ޤިޔާމަތާ ޖެހެންދެން ހިނގަމުން ދާނެ ކަމެއްކަން ކަށަވަރެވެ. އެއަޑު ހުއްޓުވޭނެ އެއްވެސް ބާރެއް ދުނިޔެމައްޗަކު ނުވާނެއެވެ. ޖައްބާރު، ޚުދުމުޚްތާރު ވެރިންނަށް ޖެހޭނީ، އެމީހުންގެ މަގުފުރެދިފައި ތިބި ފައުޖުތަކާއި ތަހިޔާރުތައް ވީރާނަކޮށްކޮށް ތިބޭށެވެ. ފަހެ ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، މިދެފަރާތުގެ ތެރެއިން ނިޔަތް ތެދުވެރި އިޚްލާޞްތެރީ، ކޮންފަރާތެއް ގައިކަން ދެނެވޮޑިގެންވާނީ، ޚުދު ﷲ އެވެ. ނަޞްރުދެއްވުން އޮތީ ﷲ އަށް މިލްކުވެގެންނެވެ. ﷲގެ ބާރުގެ ކުރިމަތީގައި ގަދަފަދަ ދައްކަމުންގެންދާ ގައުމުތަކަށް ޖެހޭނީ އިނދަޖެހޭށެވެ. އަދި ޖެހޭނީ، އުފައްދަމުން ގެންދާ ހަތިޔާރުތައް ބޭކާރު ގޮތުގައި ދުމަށް ބުރުވާލާށެވެ.
އާދެ! ފުލުހުން އިސްސަފު ތަކުގައިތިބެ، ފަހަތުގައި ޤައުމީ ދިފާޢީބާރުގެ ސިފައިން ނާއި ނޫސްވެރިން ފުލްކިޓުގައި ބައިތިއްބައިގެން ފަޚުރުވެރިކަމާއެކު، ރައީސް މައުމޫނަށް ވާގިދެމުން، ހިމަންދޫގައި ވަކިން ޖަމާޢަތުގައި ނަމާދުކުރާނެ ތަނެއްހަދައި، ފަސްވަޤުތު ޖަމާޢަތުގައި ނަމާދުކޮށް، ﷲ އަކުބަރުގެ އަޑު އުފުލަމުން ގެންދިޔަ މަދުމީސްކޮޅެއްގެ ޖަމާޢަތަކަށް، ޞުލްޙަވެރި ކަމާއެކު އެތައް ފިޔަވަޅުތަކެއް އެޅެންއޮއްވާ، ވަރުގަދަ ކުއްލިޙަމަލާއެއް ދިނުމަކީ، ސިޔާސީ މަޤްޞަދެއްގައި، ސިޔާސީބޭނުމެއް އޮވެގެން ދެވުނު، އިންސާނިއްޔަތާ ޚިލާފު، ދީނައި ދެކޮޅު ޙަމަލާއެކެވެ. ޢުދްވާނެކެވެ. ޖަރީމާއެކެވެ. މަދުމީސްކޮޅެއްގެ އެޖަމާޢަތަށް، މިދެވުނު ޢަސްކަރީ ޙަމަލާދެވުނު ގޮތް، އަޅުގަނޑު ޤާނޫނުއަސާސީ ހަދާމަޖިލީހުގެ އަރިއަތޮޅަށް ނިސްބަތްވާ މެމްބަރެއްގެ ރަސްމީ، ހައިސިއްޔަތުން ފާޅުގައި ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އެކަމާފާޑު ކިޔަމެވެ. އަދި އެމީހުންގެ ޝަރީޢަތް ހާމަކަން ބޮޑުގޮތަކަށް ހަމަޖައްސައިގެން ވީހާއަވަހަށް ކުރުމަށް ގޮވާލަމެވެ. އަދި އެމީހުން، ތުހުމަތުގައި ގިނަދުވަހު ކުޑަގޮޅީގައި ބަންދުކޮށްފައި ނުބައިތިއްބައި ޝަރީޢަތަށް ހުށަހެޅުމަށްފަހު އެމީހުން މިނިވަން ކުރުމަށް ވެސް ގޮވާލަމެވެ. ވަކިން މިސްކިތެއް ހަދައިގެން ބަންގި ގޮވާ ވަގުތުން ވަގުތުގައި ޖަމާޢަތުގައި ނަމާދު ކޮށް ހެދުމަކީ، ޖަރީމާއެއް ނޫނެވެ. ނަމާދު ކުރުމަށް ސަރުކާރުން ހުއްދަނަގާކަށް ނުޖެހޭނެ އެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާގެ ޢަސްކަރީ ފައުޖުތަކަށް ދުނިޔޭގައި ތިއްބެވި، ހުރިހާ މުސްތަބިއްދު ވެރީންގެ އެހީތެރިކަމާއެކު، ﷲ އަކުބަރުގެ މަތިވެރިއަޑު ދުނިޔެއަށް އުފުލާ އުފުލުން، ނުހުއްޓުވިގެން އުޅެނީ، ހަމަގައިމުވެސް ސިއްރުތަކެއް ފަހަތުގައި ފޮރުވިފައިވާތި ކަމުގައި މިހާރު ޤަބޫލުކުރަން ވެއްޖެނޫންތޯއެވެ؟ މުޅިދުނިޔޭގައި ފުނާ އަޅައިގެން އެހޯދަމުންދާ ހިތްވަރުގަދަ ބަޠޮލު، އުސާމާ އާއި ޒަވާހިރީއަކު ތިބިތާކު އަދިވެސް އެބަތިއްބެވި ނޫންތޯއެވެ! ފަހެ، ﷲ ޙައްޤަށް ނަޞްރުދެއްވާށިއެވެ! ދުނިޔެމަތިން ހައްގުނެތި ނުކުރައްވާށިއެވެ! އެއްފަހަރު އަލްޤާޢިދާ ޖަމާޢަތުގެ މީހުންނޭ ބުނާނެއެވެ. ޓެރަރިސްޓުންނަށް ހަދާނެއެވެ. ނޭނގޭހާ ނަންނަން ދޭނެއެވެ. އަނެއްފަހަރު ޠާލިބާނުންނޭ ބުނާނެއެވެ. އަނެއްފަހަރު ޙިޒްބުﷲ އަށް ވެދެއެވެ. ސަލަފީންނަށް ވެދެއެވެ. ސުންނީންނަށް ވެދެއެވެ. އެހެންފަހަރު ތަކުގައި އެހެނިހެން އެކިނަންތައް ގޮވާނެއެވެ. ބުނެހަދާނެއެވެ. ލިޔެހަދާނެއެވެ. ޓެރަރިސްޓުންގެ ގޮތުގައެވެ. ރާއްޖެއިން މިދެއްކީ، ޑޮޓުންނޭ ކިޔުނު ޖަމާޢަތެކެވެ. އޭރުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓައި ގާތްގުޅުމެއް ހިންގުނީއެވެ. ދެޤައުމުގެ ސިފައިން ގުޅެންވީއެވެ. ޕާކިސްތާނުގެ ޖެނެރަލް މުޝައްރަފުހެން ދުނިޔޭގައި ވަރުގަދަކޮށް ވިދާލަންވީއެވެ. ރައްޔިތުން ހޯބޯލަވަންވީއެވެ. ޤައުމުގެ އިޤްތިޞާދު ވީރާނާވެ ބަނގުރޫޓުވެ އިނދަޖެހިދަނީއެވެ. ފަރުވާލެއް ނެތެވެ! ކިހާރީތިނޫން ތޯއެވެ! ސާބަހެވެ! ފަހެ ދަންނާށެވެ! ކޮންމެކަމެއްގައި ވެސް އަމިއްލަގޮތާއި ހައްދެއް ބާއްވަން ޖެހޭނެއެވެ. ގެންގުޅުން ބުއްދިވެރި ވާނެއެވެ.
ހިތާމަކުރަން ޖެހެނީ، އިސްލާމީ ޖުމްހޫރީ ޕާކިސްތާނުގެ ފައިޞަލްއާބާދުގެ ޙާޖީ އާބާދު އަވަށުގައި ހުންނަ “ޖާމިޢާސަލަފިއްޔާ” އާއި މަދީނާ މުނައްވަރާގައި ހުންނަ “ޖާމިޢާ އިސްލާމިއްޔާ” މިދެޖާމިޢާއިން ކިޔެވިދަރިވަރުން ބަދުނާމުކުރާ ބަޔަކު ތިބީމައެވެ. ދިވެހި ސަރުކާރުންނާއި ސަރުކާރުގެ ކުރީގެ ބަންޑާރަ ނާއިބު ޑޮކްޓަރ ޙަސަންސަޢީދު އާއި އެމްޑީޕީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދުނަޝީދު ވަނީ، މިބަހުރުވައިން މިދެޖާމިޢާ އާއި އެތަނުންކިޔެވި ކުދިން ބަދުނާމުވާގޮތަށް ބޭރާއި އެތެރޭގެ މީޑިޔާއަށް މޭރުން ކުރައްވާފައެވެ. އަޅުގަނޑަކީ، އެދެޖާމިޢާއިން (ޔުނިވަރސިޓީން) ތަޢުލީމު ޙާޞިލުކުރި ދަރިވަރެއްކަމުގައި މިދަންނަވަނީ، ކެރިގެން ހުރެ ވަރަށް ފަޚުރުވެރިކަމާ އެކުގައެވެ. އަދި ނުލާހިކު ސާބިތުކަމާ އެކުގައެވެ. އަމިއްލަވަންތަ ކަމާއި ދިވެހި ވަންތަކަމާ އެކުގައެވެ. އަދި ޙަސަންސަޢީދާއި އޭނާގެ އެއްބަނޑު އެއްބަފާބޭބެ ޑޮކްޓަރ ޢަބްދުﷲސަޢީދަކީ ވެސް ސަލަފިއްޔާގެ ދަރިވަރުންނެވެ. ފަހެ ދަންނާށެވެ! މިދެ ޔުނިވަރސިޓީން ވެސް ކިޔަވައިދެނީ، ޤުރުއާން މަޖީދާއި ބުޚާރީއާއި މުސްލިމެވެ. ދެން އިސްލާ ތާރީޚާއި އިސްލާމީ ސިޔާދަތެވެ. ފަހެ އެއީ، ﷲގެ ވަޙީބަސްފުޅު ތަކާއި އޭގެތަފްސީރެވެ. އިސްލާމީ ޝަޚުޞިއްޔަތެވެ. އިސްލާމީ ދައުލަތްތަކުގެ ގިޔާދަތެވެ. ދިވެހީންގެ މުޤައްދަސް ޢަޤީދާއެވެ. އިލާހީ ޝަރީޢަތުގެ ބިންގަލެވެ.
ފަހެ، ޝަހީދުޞައްދާމު ޙުސައިނުގެ ބޮލުގައި، ޢިރާޤަށް އަރައިގަތުމުގެ ބޭނުމާއި ބަހަނާގައި އެމެރިކާނުން އެޅުވި، އެއްވެސް ތުހުމަތެއް ސާބިތު ކުރެވުނުތޯއެވެ؟ އިންސާނިއްޔަތަށް ގެއްލުންދެނިވި އެއްވެސް ވިހަ ބާވަތެއްގެ ހަތިޔާރެއް ނެރެދެއްކުނުތޯ އެވެ؟ ނުހޯދުނެވެ. ނުދެއްކުނެވެ. އަމިއްލައަށް ވަމުންދަނީ ބޭޒާރެވެ. ފަޟީޙަތެވެ. ދުވަހަކަށް ވުރެދުވަހެއް ދަނީ، ބޭޒާރުވެ، އިނދަޖެހެމުން ނެވެ. އެހެނަސް ކޮރުއިބިލީހުގެ ދައުރަކަށް އޮންނަބައި ރީތިކޮށް ކުޅެދެއެވެ. ކާމިޔާބު ހޯދައެވެ. ޢިރާޤު ތިންބަޔަށް ބަހާލުމުގެ މަސައްކަތް އެޖެންޑާ ކޮށްގެން ކުރިޔަށް އެބަގެންދެއެވެ. އާދެ! ހިމަންދޫގައި ބަޔަކު އަމިއްލައަށް ބިނާކޮށްފައިވާ ނަމާދު ކުރާތަނަށް ޙަމަލާދިނީ، ސަލްޓަންޕާކުގައި ގޮށްވާލެވުނު، ބަޔަކު އަމިއްލައަށް ގެވެހިކޮށް ހަދާފައިވާ ބޮމުގެ ތުހުމަތުގައެވެ. އެހެނަސް ތަޙުޤީޤު ކުރިޔަށް ދަނީ އެއާނުބެހޭ ކަންތައްތަކެއްގެ ތުހުމަތުގަ އެވެ. ފަހެ، ޝައިޚުފަރީދާއި ސުވާލުކުރެވޭއިރު، ކަށްވަޅުގައި އޮންނެވި، މަރުޙޫމް ޝައިޚު މުޙަންމަދު އިބްރާހީމް ބާބުލްޢަވާލީގެ ހަށިކޮޅަށް، ރައްދުކުރާ ބަދުބަސްތައް ދަނީ، ސީދާކޮށާއި ނުސީދާކޮށް ފޯރުވަމުންނެވެ. އެންމެމަތީ މަޖިލީހުގެ ބޮޑު ޝައިޚު މުހަންމަދު ރަޝީދު އިބްރާހީމްގެ މަސައްކަތަކީ މިއެވެ. ދީން ޙިމާޔަތް ކޮށްދިނުމުގެ ބަދަލުގައި ރައީސް މައުމޫނު ޙިމާޔަތް ކޮށްދިނުމާއި އެހެން ޢިލްމުވެރިން ބަދުނާމުކުރު މެވެ. ދީންވެރިކޮށް އުލޭމީހުންގެ ތުނބުޅިއާއި ޑްރަގާގުޅުވުމެވެ. އެމީހުންނާއި ޖާރިޔާއިންނާ ގުޅުވުމެވެ. ފަހެ، މިއީ އިންސާފެއްނޫނެވެ. މިއަޑުތަކަކީ، ބަޔަކު މީހުން އަޑީގައި ތިބެގެން ރާވައިގެން ދީން ފެތުރެމުންދާތީ، ދީނީއިލްމުވެރިން ބަދުނާމު ކުރަންވެގެން އުފައްދައިގެން އުޅޭ އަޑުތަކެކެވެ. މިފަދަ އަޑުތައްނެރެ އަމިއްލަ ސައިޓުތަކުގައި ލިޔެ، ދީނީމީހުން ބަދަނާމު ކުރަމުންގެންދާ މައްސަލަ ބަލައިދޭނެ ފަރާތެއް ނެތެވެ. ގަވައިދުން ފަސްވަގުތު ނަމާދު ނާޅާއުޅޭ މީހަކު، ޑްރަގްވިއްކާނެ ތޯއެވެ؟ ހަމަމިގޮތަށް ފަސްވަގުތު ނަމާދުކޮށް އުޅޭ އަންހެނުން އޭނާގެ ފިރިމީހާއަށް ޖާރިޔާއެއްގެ ގޮތުގައި ޅައަންހެން ކުދިން ގެންގުޅެދޭނެ ތޯއެވެ؟ ފަހެ މިއީ ބަޔަކު އުފައްދާ ވާހަކަތަކެވެ. ފަހަރުގައި ބޮޑުޖާހިލަކު މިއިންކަމެއް ދީނީމީހުން ބަދުނާމު ކުރުމަށް ކޮށްފާނެއެވެ. ނުވަތަ ފައިސާދީގެން ބަޔަކުލައްވާ ދުވަސްކޮޅަކަށް ކުރުވަފާނެއެވެ.
ދެންފަހެ، ދަންނާށެވެ! މިއީ، މިކަން ޙައްލުކުރެވޭނެ ގޮތެއްނޫންކަން ކަށަވަރެވެ. 2008މ، ގައި އޮންނަ ރިޔާސީއިންތިޚާބައި ދިމާކޮށް، ތިލަކޮށްލާނެ ކަމެއް ނުލިބުމުން، މިކަހަލަ ކަންތައްގަނޑެއް އިޖާދު ކޮށްގެން ރައްޔިތުންގެ ސަމާލުކަން އެދިމާއަށް ލެންބުމަށް ވެރިކަމުގެ ފަރާތުން ގަދައަޅާ މަސައްކަތް ހިންގިދާނެއެވެ. ޤަވާޢިދުން ޖަމާޢަތުގައި ފަސްވަޤުތު ނަމާދުކޮށް ﷲ އަކްބަރުގެ އަޑުއުފުލާ މީހުންނަކީ، ޑުރަގްބޮއި އެވިޔަފާރިކޮށް ހިތުހުރިގޮތަކަށް ޖާރިޔާއިންގެ ގޮތުގައި ޝާއްބައަންހެން ކުދިން އަތުލައިގަނެގެން ވަޙުޝީކަންކަމުގައި ގެންގުޅެ، ތަންތަންލޫޓުވާއި ވަށްކަންކޮށްގެން ފައިސާއެއްކޮށް ހަދާނެ ބައެއްނޫންކަން ޔަޤީނެވެ. އެކަންއެގޮތަށް ކުރާނަމަ، ޖަމާޢަތުގައި ވަޤުތުން ވަޤުތަށް ނަމާދުކޮށް، ﷲ އަކްބަރުގެއަޑު އުފުލައެއް ނުހަދާނެކަން ކަށަވަރެވެ. ޤުރްއާން ކިޔެވުމުގައި މިސްކިތުގައި ދެމި ނުތިބޭނެ ކަން ކަށަވަރެވެ. މިހުރީ އެއްގޮތަކަށް ވެސް އެއްކޮށްގެން އެކުއެކުގައި ކުރިޔަށް ގެންދެވޭނެ ކަންތައްތަކެއް ނޫނެވެ. އެމީހުންނަކީ، ގުންޑާގަރުދީ ހިންގާ ބަދުމައާޝް ގުންޑާއިންނަމަ، ދީނުގެނަމުގައި ދާއިމަށް އުޅެވޭނެ ގޮތެއް ނޯންނާނެއެވެ. އަޅުވެރިން ގޮތުގައި ތިބެ، ބޮޑެތި މުޖުރިމިން ހެނެއް ނޫޅެވޭނެއެވެ. މިދެކަންތަށް އެއްކޮށްގެން އަބަދަކަށް ނޫޅެވޭނެއެވެ. ރައްޔިތުން ނުކުމެ ފަހައިގަންނާނެ އެވެ. އަދި، ﷲ ވެސް އެމީހުންފަޟީޙަތް ކުރައްވައި ބޭޒާރު ކުރައްވާނެތެވެ. ނިކަމެތި ކުރައްވާނެތެވެ. ޒަލީލުކުރައްވާނެތެވެ. އަދި، ކޮންމެ ހުކުރުދުވަހަކު ހުކުރުޚުޠުބާގައި ހަދާންކޮށް ދެއްވަމުން އެގެންދަވާ، ޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތުގެ ފުރިހަމަ މާނައާ، މުޅިން ތަޢާރުޟު ވެދެއެވެ. މަރުޙޫމް ޝައިޚު މުހަންމަދު އިބްރާހީމް ބާބުލްޢަވާލީ އާއި ޝައިޚު ފަރީދުގެ ދީނީ ވަޢުޒު ތަކަށް ތަބާވާ، އެމީހުންނީ އެކަހަލަ ބަދުމަޢާޝް، ގުންޑާގަރުދީ ބައެއްނަމަ، ޖަމާޢަތުގައި ނަމާދެއްނާޅާ ނަމާދުކޮށެއް ނޫޅޭނެއެވެ. ﷲގެ ކަލިމަފުޅުތަކާއި ސުންނަތް ބިމުގައި ފަތުރާކަށް ނޫޅޭނެއެވެ. ފަހެ، މިއީ ދިވެހިރައްޔިތުން ތަޙްޤީޤުކޮށް ބަލަންވެއްޖެ ކަމެކެވެ. ސަރުކާރުން ޙައްޤުގޮތުގައި މިކަން ނުކުރެވެންޏާ، ވަކިފަރާތަކަށް ނުޖެހޭ ޖަމާޢަތަކުން މިކަންތައް ބަލާއި ޒިންމާނަގައިގެން ރައްޔިތުންނަށް ތެދުދިރާސާއެއް ގެނެސްދޭނެ ބަޔަކު އުފެދި ފެންނަން ވެއްޖެއެވެ. އަޅުގަނޑަށް މިފެންނަނީ، “ހަވީރު” ނޫހުގެ ރިޕޯޓަރުން ނެރެ ޝާއިޢު ކޮށްގެން އުޅޭ، ހިމަންދޫމީނުންގެ ވާހަކަ ދެއްކުންތައް ހުރި ވީޑިޔޯކޮޅެކެވެ. އެވާހަކަތަކަށް ނަޒަރުކޮށް ބަލާއިރު ފުލުހުންނާއި ސިފައިން އެޙަމަލާ ހިންގިގޮތް އަޅުގަނޑު ކުށްވެރި ކުރަންޖެހެއެވެ. ދުނިޔޭގައި ﷲ އަކްބަރުގެ އަޑުއުފުލައި ﷲގެ ދީނަށް ނަޞްރުދެއްވާތަން އަލުގަނޑުމެން އިސްލާމުންނަށް ދައްކަވާއި ދުނިޔޭން ޞަހުޔޫނީންނާއި އެމީހުންގެ ވާގިވެރިންގެ ބާރުތައް ނެތި ކުރައްވާށިއެވެ! އާމީން!


Comments