ޢަދުލު އިންސާފުގެ ބާރު.
- ilyashusein
- Nov 2, 2009
- 6 min read
=އިލްޔާސް ހުސައިން އިބްރާހީމް. ލިޔުނީ: 2007 ޖެނުއަރީ ގައި=
ދަންނާށެވެ! ރައްޔިތުންގެ ވެރިކަމެއްގައި އެންމެ އިސް ބާރަކީ ޢަދުލުއިންސާފުގެ ބާރެވެ. ޢަދުލު އިންސާފުގެ ބާރަކީ ވަކި މުސްތަޤިއްލު ބާރަކަށް ނުވެއްޖެނަމަ، މުޅި ސަރުކާރުގެ ބާރުގެއްލި ގަދަ މީހާއަށް ގަދަ ވެގަނެވުނީއެވެ. ބަލިމީހާ ނިކަމެތިވީއެވެ. ހައްގުތައް ގެއްލުނީއެވެ. މިއީ ރޫޅުމާއި ހަލާކުގެ ފެށުމެވެ. މިހިސާބުން ޢަދުލު އިންސާފު ގެއްލި ރައްޔިތުންގެ ޙައްޤުތައް ފުޑުފުޑުވީއެވެ. ބަރުބާދުވީއެވެ. މާސިންގާ ކަނޑުގެ އާދަކާދައާއި އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ ސަރުކާރުގެ ހަމަތަކާއި އުސޫލުތައް ބަދަލުވީއެވެ. ފަހެ، މިއީ ރައްޔިތުން ކާމިޔާބުވުމަށް އޮތް މަގެއްނޫނެވެ. ހަމަތަކެއް ނޫނެވެ. ފަހެ، ދަންނާށެވެ! އިންސާނާގެ ކާމިޔާބަކީ، ﷲ އެކަލާނގެ ރަސޫލާއަށާއި މުޅިއުންމަތަށް ވިދާޅުވެދެއް ވުމަށް އަމުރުކުރެއްވި މާތް އަމާޒެވެ. އަދި މިއީ، ދިރިތިބުމުގެ މާތް މަގްސަދެވެ. ފަހެ، ﷲ ޢަމުރު ކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަން ކަލޭގެފާނުގެ ދިރިހުރުމާއި، ތިމަން ކަލޭގެފާނުގެ އަވަހާރަވުން ވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ. އަލްއަންޢާމް ސޫރަތުގެ 162 ވަނަ އާޔަތާއި އަދި ޖެހިގެން އޮތްއާޔަތުގެ ތަފްޞީލް ބައްލަވާ ލައްވާށެވެ.
ދަންނާށެވެ! އަޅުގަނޑުމެން އިންސާނުންނަށް ޖެހިފައިވާ ހާލަކީ ކަނޑުގައި ދިރިއުޅޭ ސޫފާސޫފިތަކަށް ވުރެވެސް ދެރަވަރެވެ. އެއްވެސް ޢަމާޒެއް މަޤްސަދެއްނެތެވެ. އިންސާނާ ހެއްދެވުމަށްފަހު، ދުނިޔެއަށް ފޮނުއްވި، ޢަމާޒާއި މަޤްޞަދުވަނީ އަމިއްލައަށް ނަގާލާފައެވެ. ހަދާން ނައްތާލާފައެވެ. އަމިއްލަ ހަވާނަފްސުގެ ޚުދުމުޚުތާރު ބާރުގެ ދަށުން، ހައެއްކަފޫޓް ހަމަނުވާ ތިމާގެ އަމިއްލަ ހަށިގަނޑު ދެދުނިޔޭގެ ކާމިޔާބު ހޯދުމަށްވަނީ، ނުކުޅެދިފައެވެ. އިންސާފާއި ހަމަދެނެގަތުމުގެ ބާރުވަނީ ސިކުނޑިން އެއްފަރާތް ވެފައެވެ. ވިސްނުމުގެ ކުޅަދާނަކަމުން ގަސްދުގައި ބޭރުކޮށްލާފައެވެ. ހަމަކަށަވަރުން މިއީ މަގުގެއްލުމުގެ އަސްލެވެ. އަމިއްލައަށް ﷲ އަށް މަގުފުރެދުމެވެ. މިއީދުނިޔެ މަތީގައި އެންމެ ނިކަމެތި، އަދި އެންމެ ދަށު ދަރަޖައެވެ. އިންސާނުން އެންމެ މާތް މަޚްލޫގުންނަށް ވުމުގެ އަސްލު ސިފަ އަމިއްލައަށް ނެތިކޮށްލީއެވެ. ވިސްނުމާއި ބުއްދި އަމިއްލައަށް ނެތިކޮށްލުމުން، ވަޙުޝީ ހައިވާނެއްގެ ދަރަޖައަށް ވުރެވެސް ދަށަށް ވެއްޓުނީއެވެ. ފަހެ، އިންސާނާ އަމިއްލައަށް ވެއްޓިގަނެފައިވާ ހަލާކުގެ ބޮޑުކަމާއެވެ! ހިތާމަހުއްޓެވެ! ޣާފިލުކަމުގެ ނިކަމެތި ތަންމަތިން ތެދުވެ، އިންސާނެއްގެ ފުރިހަމަ ޝަރަފު ލިބިގަންނާށެވެ. އަމާޒަށް ވާސިލް ވާށެވެ. މަޤްޞަދުގެ ހާސިލުކުރާށެވެ. ހަނދާން ނައްތާނުލާށެވެ. ޝަރަފާއި ގަދަރާއި ކަރާމާތާއި ލޯތްބާއި ކުލުނު ލިބޭނީ އޭރުންނެވެ. ސުވަރުގެ ލިބޭނީ، އޭރުންނެވެ. އެހެންނޫނީ އެއްބަޔަކު އަނެއް ބަޔަކަށް ޤަތުލުކޮށް، ގަދަހަދައި ފައިވިއްދައިގެން ތިބޭނީތޯއެވެ؟ ފަލަސްޠީނުގައި އެވަނީ އެހެން ވެފައެވެ. އަހުލީ ހަނގުރާމައެއް ވަނީ ފެށިފައެވެ. ރާއްޖެވެސް އެމިސްރާބަށް ގެންދިއުމަށް ބަޔަކު މަސައްކަތް ކުރަނީއެވެ. ވެރިކަމުގައި ގިނަ ދުވަހު ތިބެވޭނީ، އެއިރުންކަމަށް ވިސްނިގެން ކުރާކަމެކެވެ. ރާވާރޭވުމެކެވެ.
ފަހެ، ސަމާވީ ދީންތަކުގެ އަލީގައި ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރުމަށް އޮތް އިލާހީ ޙިކުމަތަކީ، އެންމެން ރުހިޤަބޫލުކުރާ، ވަލިއްޔުލް ޢަމްރެއް ނުވަތަ ރައީސެއް، ޒިންމާދާރުކުރެވޭ ގޮތަށް ވެރިކަމުގައި ބެހެއްޓުމެވެ. ބައިޢަތުހިފުމަކީ ޒިންމާދާރު ކުރުވުމެވެ. މިޒަމާނުގައިނަމަ، ހުރިހާ ރައްޔިތުންގެ މަޝްވަރާގެ މަތިން ރުހިޤަބޫލުވެ ރައީސަކަށް އިންތިޚާބު ކުރާކުރުމެވެ. އާދެ! ވަލިއްޔުލް އަމްރަކީ ރިޔާސީބާރެވެ. ރައީސެވެ. ރައްޔިތުންގެ ވެރިކަމެއްގައި ދެން އޮންނާނީ ޢަދުލު އިންސާފުގެ ބާރާއި ރައްޔިތުންގެ ބާރުކަމުގައިވާ “މަޝްވަރާ” އެވެ. މަޝްވަރާގެ މަރުކަޒަކީ، ރައްޔިތުންގެ މަޖިލީހެވެ. މިތިން ބާރުގެ ތެރެއިންވެސް ހަމައެކަނި އަމިއްލަ، މުސްތަގިއްލު ބާރަކީ، އަދުލް އިންސާފުގެ ބާރެވެ. އެއީ ޝަރުޢު ކުރެއްވި ޝަރީޢަތް ﷲގެ ބިމުގައި ތަންފީޒު ކުރާތީއެވެ. ވެރިކަމުގެ ބާރާއި ރައްޔިތުންގެ މަޖިލިސްވެސް ހަގީގަތުގައި އޮންނާނީ ޢަދުލު އިންސާފުގެ ދަށުގައެވެ. ވަލިއްޔުން އަމްރަކީ، ﷲގެ ޝަރީޢަތް ދަންނަބޭކަލެއް ނަމަ، އަދުލްއިންސާފުގެ އެންމެމަތީ ބާރަކަށް އޭނާވާންޖެހެނީ އެހެންވެގެންނެވެ. ފަހެ، ޝަރުޢީ ގޮތުން އިންސާފު ނުހިންގޭނެ އެއްވެސް ދާއިރާއެއް މުޅިވެރިކަމުގައި އޮވެގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ، ޝަރީޢަތުގެ ދަށުން ދުސްތޫރާއި ޤަނޫނުތައް، ރައްޔިތުންގެ މަޝްވަރާއާއެކު، ހަދައިދޭ ތަނަށް ވިޔަސް އެންމެ ރަނގަޅެވެ. އަދި ރައީސަކީ، މަޖިލީހުގެ ބެލުމުގެ ދަށުން ޒިންމާދާރު ގޮތެއްގައި ހިންގުމުގެ ހުރިހާ ބާރުދެވޭ މީހާކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. ޢަދުލުއިންސާފު ގާއިމްކޮށް ހުރިހާ ފަރާތެއްގެ ހައްގުތައް ދަމަހައްޓައި ދިނުމަކީ، ވަކިން މުސްތަގިއްލުކޮށް އޮންނަ، މިބާރުގެ ހަރުދަނާކަމާއި ވަރުގަދަކަމާއި އަމިއްލަ ވަންތަކަމެވެ. ބިންމަތީގައި، ﷲގެ އަމުރުފުޅުތައް ހިންގޭނީ، ފަހެ މިގޮތަށެވެ. ﷲގެ ޝަރީޢަތަށް އިސްކަންދީ ގެންނެވެ. އަލަށް އެކުލަވާލެވޭ ދިވެހިންގެ ދުސްތޫރުގައި ވެސް އަމިއްލަ މުސްތަޤިއްލުކޮށް އޮންނަ ދީނާބެހޭ ކޮމިޝަނެއް މިބާރުގެ ދަށުގައި އޮންނަން ޖެހޭނެއެވެ. މިކަމާ ބަޔަކު ވިސްނަންވާނެއެވެ. ހުރިހާކަމެއް ވެސް ރައްޔިތުންގެ ފަރާތުން އެޕްރޫވްކުރާ ގޮތަށެވެ. ފަހުގެ ސިއްކަޖަހާ ގޮތަށެވެ. އެންމެމޮޅު ގޮތަކީ، މިއެވެ. ހަގީގަތުގައި މިހާރު މިއޮންނަގޮތަށް ވުރެ، ދީނާބެހޭ އެންމެހާކަންތައް، ޢަދުލު އިންސާފުގެ ދަށުގައި އޮތުން މާރަނގަޅެވެ. އައުލާކަން ބޮޑެވެ. ޝަރީޢަތްތައް ނިންމުމުގައި ގުރުއާނާއި ސުންނަތާއި އިސްލާމީ ޝަރީޢަތަށް ރުޖޫޢަވާނީ މިދަންނަވާ ކޮމިޝަނުންނެވެ. ރައްޔިތުން މަޖިލީހުން ފާސްކޮށް ނިންމާ ގާނޫނަކަށްވެސް މިކޮމިޝަނުން ކޯޓެއް މެދުވެރިކޮށް ނިޔާއެއް، ހުކުމެއް، އަމުރެއް ނެރެވިދާނެއެވެ. އިސްލާމިކް މިނިސްޓްރީން ތަބާވާނީ ދައުލަތުގެ އަސާސީއަށާއި ގާނޫނުތަކަށެވެ. އެހެނަސް މިކޮމިޝަނަކީ، އެފަދަ މިނިސްޓްރީ އަކަށްވުރެ މާމަތީތަނެކެވެ. ފަހެ، ދަންނާށެވެ! ދީނާބެހޭ ކޮމިޝަން އެކުލެވިގެން ވާންޖެހޭނީ، ސްޕްރީމްކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންނާއި ގައުމުގައި ތިއްބެވި އިސްލާމީޝަރީޢަތް ދަންނަ ޢިލްމުވެރީންގެ ފަސްބޭފުޅުންގެ މައްޗަށެވެ. އެހެންނޫނީ ސައްތަ އިން ސައްތަ އިސްލާމުންނޭ ކިޔުމުގެ ބޭނުމެއްނެތެވެ. ހުރިހާ ދީންތަކަށް ހަމަކޮށް، ޔޫ.އެން އާއި ޕެރިސް ޕްރިންސިޕަލް އެއްބަސްވުމާ އެއްގޮތް މިނިވަން ކޮށްލަންވީ ނޫންތޯއެވެ. ބިރުގަނެ ޖެހިލުންވަނީ ކީތްވެގެންތޯއެވެ؟ ފަހެ، އަބަދުވެސް ދީން ހިފަހައްޓާނެ ބަޔަކު، ﷲގެ ބުމުގައި ދެމިތިބޭނެއެވެ.
އާދެ! ރައްޔިތުންގެ ސަރުކާރެއްގައި، މިތިން މުސްތަޤިއްލު ބާރުގެ އިތުރަށް، އިތުރު މުސްތަގިއްލު ބާރުތަކެއް، އިދާރީ ގޮތުންނާއި މަގާމުގެ ގޮތުންވެސް އޮވެގެންނުވާނެއެވެ. އަދި ބަހައްޓައިގެން ވެސް ނުވާނެއެވެ. ދެން އިދާރީ އޮނިގަނޑުގައި ހިމެނެންވީ، ވަކި ޤާނޫނެއްގެ ދަށުން އަމިއްލައަށް ހިންގާ މަދު އިދާރާ ތަކަކާއި މަދުމަގާމު ތަކެކެވެ. މިސާލަކަށް އިލެކްޝަން ކޮމިޝަނަރާއި، އޮޑިޓަރ ޖެނެރަލާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނެވެ. މިމުއައްސަސާ ތަކާއި އަމިއްލަ ވަކިބާރެއް ލިބިދޭ މަގާމުތަކުން ވެސް، ޙުކުމްތައް ނެރެ، ތަންފީޒުކޮށް ހަދާނީ ޢަދުލު އިންސާފުގެ ބާރާއި ގުޅިގެން އެބާރުގެ ދަށުންނެވެ. އިދާރީ ހިންގުންތައް ރާވައި ހިންގާނީ އަމިއްލަ ޒާތުގައެވެ. މިނޫންގޮތަކަށް އަދުލު އިންސާފުގެ ބާރު ކަނޑުވާލާއި ހީނަރުކޮށް ލެވިއްޖެނަމަ، ރައްޔިތުންގެ ވެރިކަން ރޫޅުނީއެވެ. އިންސާފު ގެއްލުނީއެވެ. ދުސްތޫރުގެ ބޭނުން ކެނޑުނީއެވެ. ހަމައެއް ލަމައެއްނެތް ހައިޖާނުގަނޑަކަށް މުޅި ގައުމު ވެއްޓުނީއެވެ. ކަނޑުގެ ހަމަތައް ޤައުމެއްގައި ހިންގަންފަށާ ހިސާބުން، އެއުންމަތަކަށް ބޮޑު ވަބާއެއް ޖެހުނީއެވެ. މިހާރު ގިނަ ގައުމުތަކުން މިފެންނަނީ އެފަދަ ވަބާތަކެވެ. އެންމެ ރެއެއްގައި ތިންހަތަރު ތަޅާލުންގަޑު ފެނިގެން ދެއެވެ. މަރާލައެވެ. ބަލަބަލާތިއްބާ މިވަބާ، ގައިން ގަޔަށް އަރައި އެންމެ ޚުދުމުޚްތާރުކޮށް، މިވަބާގެ ޝިކާރަ އަކަށް ރައްޔިތުން ވެގެންދަނީއެވެ. އިސާހިތަކު މުޅިގައުމު ހައިޖާނުކޮށްލައި ހަލާކުކޮށް ލައެވެ. އަމިއްލަ ކުދިކުދި ގޭންތަކުގެ ބާރުތައް ވަކިވަކީން ހިންގަން ފަށައެވެ. ދައުލަތުގެ އަމުރު މައުރޫފު ނުހިންގޭގޮތަށް އެބާރު ނައްތާލަނީއެވެ. ރައްޔިތުންގެ ބާރު އެއްކޮށް ކަނޑުވާލައެވެ. ކޮންމެ އިލެކްޝަނެއްގައި ވެސް އަމިއްލަ މިފަދަ ބާރުތައް އެކި ގޮތް ގޮތަށް ބޭނުންކުރެއެވެ. ވައި އަޅުވަން ކެރޭ، ސަމްސާ ތަޅުވަން ކެރޭ ވެރިޔަކުހުރިއްޔާ ބިރެއްނެތި ކަންތައް ކޮށްލަންވީއެވެ. އެމީހެއްގެ މައްޗަށް ހިންގޭނެ ޤާނޫނެއްނެތެވެ. އުފުލޭނެ މައްސަލައެއް ނޯވެއެވެ. އެއިން ކަމެއް ބެލޭނެ އިދާރާއެއް ނުހުރެއެވެ. މޭމައްޗަށް މެޑެލްތައް އިތުރުކޮށްދީ، ވަޒީފާގެ ކުރިއެރުން ލިބެއެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްދިން ކަންތައްތަކުގެ ބަދަލުގައެވެ. މިކަމާ ދެކޮޅު ހަދާ މީސްމީހުންގެ ހައްޤުތަކުން މަޙުރޫމް ކޮށްލައެވެ. ވޯޓް އޮޅުވާލައި ނަތީޖާ ބަދަލުކޮށްލަނީ، އެހެން ދުވަހެއް ނާންނާނެ ކަމުގެ ޔަޤީންކަމާ އެކުގައެވެ. އަދި މިފަދަ އިންތިޚާބުތަކުގައި، އެހެން އަމިއްލަ ފަރާތްތަކަށް އެއްވެސް ކަހަލަ ރަޢުޔެއް، ޚިޔާލެއް ދެވޭކަށް ނޯވެއެވެ. ހުރިހާ މަގެއް އޮންނަނީ ބަންދުކޮށްފައެވެ. އަޅެފަހެ މިއީ ޢަދުލުއިންސާފުތޯއެވެ؟ މުޖުތަމަޢިން އަދުލުއިންސާފައި ހަމަހަމަކަން ނައްތާލާ އަނެއް ކަމަކީ، ގަނެ ވިއްކޭ ގަލަންތަކަކާއި، ކުލީގަލަންތައް އުފައްދައިގިނަ ކުރުމެވެ. މިފާޑުގެ ކުލީގަލަން ތަކުން ތަޙުރީރުކުރެވޭ ސަފްޙާތައް މުޅިންވެސް ހުންނާނީ ކަޅުކޮށެވެ. އިންސާފުންނާއި ހަމައިން ނައްޓާފައެވެ. ވެރިމީހާއާއި ބޮޑުންގެ ސަނާތަކާއި ހަގީގަތް އޮޅުވާލުމުގެ ޕްރޮޕެގެންޑާތަކެވެ. މުޅިންވެސް ފެންނަނީ ވެރިމީހާއާއި ބޮޑުންގެ ވާހަކަތަކެވެ. ބޮޑުންނަށް ތިބޭނީ ބޮޑެތި މަހުޖަނުންނެވެ. ރައްޔިތުންގެ ފައިސާއިން މަހުޖަނުވެފައި ތިބޭ ބޮޑެތި ސޭޓުންނެވެ.
އޭ! އިއްޒަތްތެރި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. ޢަދުލުއިންސާފާއި މުޖުތަމަޢުގެ ހަމަހަމަ ކަމަކީ، މިފެންނަމުންދާ ފަލްސަފާތައް ތޯއެވެ؟ އެކިއެކި ދީންތައްތޯއެވެ؟ އެކިއެކި މަޒްހަބުތައް ތޯއެވެ؟ އަސްލެއް ނެތް އެކިއެކި ފިކުރުތަކާއި ވިސްނުންތައް ތޯއެވެ؟ ކޮންމެ ވެރިއަކަށް އާވައްތަރެކެވެ. އާގޮތްތަކެކެވެ. އެންމެ ފަހުން ނިޔާވި ތުރުކުމަނިސްތާނުގެ ރައީސް ޝަރަފް މުރާދު ނިޔާޒޯވް ގެންގުޅުއްވީ މުޅިން އާވައްތަރެކެވެ. އެންމެންގެ ދިރުމަކީ އޭނާކަމުގައި އެންމެންނަށް ދެއްކެވިއެވެ. ހުރިހާވެސް އެއްޗަކީ، އޭނާގެ ރޫޙުކަމުގައި ދެއްކެވިއެވެ. މިކަހަލަ ހުވަފެނުގައި ތިބެގެން ނުސީދާކޮށް ރައްޔިތުންގެ ދިރުންކަމުގައިވާ ލޭފޮދު ބޮއިލަނީއެވެ. ދީނީ ނަޒަރަކުން ބަލާ ވިސްނާއިރު، ޑިކްޓޭޓަރަކު ނުވަތަ އެހެންވެސް އެއްވެސް ވެރިއަކު އަމިއްލައަށް އުފައްދާފައިވާ ފަލްސަފާއަކީ، ޢަދުލު އިންސާފާއި ހަމަހަމަކަން ކަމުގައި ބަލައިގެން ނުވާނެއެވެ. މިގޮތުން މިހާތަނަށް ކުރެވުނު ހުރިހާ ތަޖުރިބާތަކެއް ވަނީ ފެއިލް ވެފައެވެ. ނާކާމިޔާބު ވެފައެވެ. ފެއިލް ވެފައިވާ މިފަދަ ފަލްސަފާއަކަށް ގަދަބާރުން ރައްޔިތުން ލަންބައި މަޖުބޫރު ކުރުވުމަށް އެއްވެސް މިންވަރެއްގެ ޖާގައެއް ނުދެއެވެ. އަމުދުން އަޅުގަނޑުމެންނީ، ސައްތައިން ސައްތަ އިސްލާމުންނަށް ވީތީއެވެ. އަމިއްލަ ޒާތުގައި މިނިވަންކޮށް ޙަރަކާތް ކުރުމުގެ ބާރު، ބުއްދިއަކާއެކު ދެއްވާފައިވާ އަޖައިބެއްފަދަ ދުލަށް، ހައްގު ހަރަކާތަކުން ހުއްޓުވުމަކީ، ދީނީ ގޮތުން އެކަކަށްވެސް ހުއްދަ ލިބިގެންވާ ކަމެއް ނޫނެވެ. މިފަދަ މަގާމެއް އަބޫބަރުގެފާނާއި އުމަރުގެފާނު އިރުގައިވެސް ފެނިފައި ނެތެވެ. ޚުދު ﷲ ގެރަސޫލާއަށްވެސް މިފަދަ ބާރެއް ލިބިވަޑައިގެން ނުވެއެވެ. އިސްލާމްދީނުގައި ހައްގުގޮތުގައި ޚިޔާލު ފާޅު ކުރުމާއި އަނެކުންނާއި މިނިވަންކަމާއެކު މުޚާޠަބުކޮށް ހެދުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިދީފައި އޮވެއެވެ. ޢަދުލު އިންސާފާއި ހަމަހަމަކަމާއި އިންސާނީ ހައްގުތައް ދުނިޔެއަށް ގެނެސްދިނީ އިސްލާމްދީނެވެ. އެކިފަލްސަފާ ވެރިންނެއް ނޫނެވެ. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ނެއް ނޫނެވެ. މި ހައްގުތަކާ، ދެކޮޅަށް ދުނިޔޭގެ އެއްވެސް ޑިކްޓޭޓަރަކަށް، މިފަދަ ހުރަސް ތަކެއް އަޅައި ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުމުގެ ހައްގެއް، ބާރެއް ލިބިގެނެއް ނުވެއެވެ. މިޒާތުގެ ނާޖާއިޒް ފައިދާތައް ނަގައި ބާރުގެ ބޭނުން ހިފަމުން ގެންދާ ވެރިންނަކީ ސީދާ ޑިކްޓޭޓަރުންނެވެ. އެމީހުންގެ ދިރިތިބުމުގެ އަމާޒަކީ މުޅި އުމުރަށް ބާރުގައި ދެމިހުރުމެވެ. މުޅި ސަރުކާރު ރޫޅި، ޢަމުރު މަޢުރޫފު ނުހިންގުނަސް ވެރިކަމުން ދުރަށް ޖެހޭކަށް ބޭނުމެއް ނުވާނެއެވެ. އަދި ހުދު (ވައިޓް) ޓެރަރިޒަމް ސީދާކޮށާއި ނުސީދާކޮށް ގައުމުގައި ފަތުރައި ރައްޔިތުން ބިރުގެންނެވުމަކީ އެމީހުންގެ އެންމެ ބޮޑު އަމާޒެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަމިއްލަ ފަލްސަފާއެއް، އަމިއްލަދީނެއް، އަމިއްލަމަޒުހަބެއް، އަމިއްލަފިކުރެއް އަދި އަމިއްލަޝަރީޢަތެއް އުފައްދައި އިންސާނުން އަޅުވެތި ކުރުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. ﷲ ވަނީ އެކަލާގެ ދީން ފުރިހަމަ ކުރައްވާފައެވެ. ދުވަހަކުވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް އެކަލާނގެ ކަލާންފުޅު (ޤުރްއާން މަޖީދް) އަޅުގަނޑުމެންނާއި ހަމައަށް، ގެނެސް ދެއްވާފައެވެ. ﷲގެ މިފޮތަށާއި ރަސޫލާގެ ސުންނަތަށް ތަބާނުވެ، ޢަދުލުއިންސާފާއި ހަމަހަމަކަން މުޖުތަމަޢުގައި ނުގެނެވޭނެކަން މިހާރު ސާބިތުވެ ފެނިއްޖެއެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ އިސްލާމުންނަށް ވާތީ އެންމެ މަތީ ފިލާވަޅު ހޯދައި ލިބިގަންނަންވީ، މިދެންނެވި ﷲ ގެ ފޮތުންނާއި ރަސޫލާގެ ސުންނަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭރުން އެއްގޮތަކަށްވެސް މަގުފުރެދި ގެއްލިގެން ނުދާނެއެވެ. ދެދުނިޔެ ކާމިޔާބުވީއެވެ. އަމާޒަށް ވާސިލުވީއެވެ. މިޒަމާނުގެ އެކިއެކި ޑިކްޓޭޓަރުންގެ ފަލްސަފާތަކާއި އަނިޔާވެރި ޢަމަލުތަކަކީ، ދަސްކޮށް ތަޖުރިބާ ކުރުމަށް ހުރި ފިލާވަޅުތަކެއް ނޫނެވެ. އެފަލްސަފާތަކާއި ޢަމަލުތައް ގެންގުޅެން ޖެހޭނީ ވަރަށް ދަށުގައެވެ. ދެވަނަ ދަރަޖައިގައެވެ. އެންމެ ފުރަތަމަ ތިމާގެ އަގީދާއެވެ. އަސްލު އަގީދާއަށް ލޮޅުންއަރައި ގެއްލުން ނުވާވަރަށް މުތާލަޢާކޮށް ޢިބްރަތް ހޯދަން ހުރި ހާދިސާތަކެއްގެ ގޮތުގައެވެ. މިނޫންގޮތަކަށް އެފަލްސަފާތައް ބޭނުންކޮށް މުތާލަޢާކޮށް ގެންނުވާނެއެވެ. އަޅުގަނޑުމެންނަށް ޢަމުރު ކުރެވިގެންވަނީ އެކަލާގެއަށް އެއްގޮތަކަށްވެސް ޝަރީކު ނުކުރުމަށެވެ. އަދި އެއްކައުވަންތަކަމަށް ހެކިވެ ހުރިހާ އިރެއްގައިވެސް އެކަން ގަބޫލު ކުރުމަށެވެ. ރަސޫލާއަށް އެންގެވީ ތިމަން ކަލޭގެފާނީ، މިއުއްމަތުގެ އެންމެ ފުރަތަމަ މުސްލިމޭ، މިހެން ވިދާޅުވުމަށެވެ. އާދެ! އެންމެ ފުރަތަމަ އިސްލާމް ދީނެވެ. ދެން އިސްލާމީ ޝަރީޢަތެވެ. ވެރިންގެ އަމިއްލަ ފަލްސަފާތައް އަންނާނީ އެއަށްފަހަތަށެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖެ އޭބުނާ ބުނުމުގެ މާނައަކީ މިއެވެ. އެރޫހަކީ މިއެވެ. ދީންއިސްކުރުމެވެ.
އާދެ! ޚުދު ﷲގެ ރަސޫލާ އާއި ސަހާބީންނާއި ތާބިޢީންނާއި ތަބާތާބިޢީންނާއި ސަލަފުންނާއި ސާލިޙުންނާއި ދަންނަ ބޭކަލުންވެސް ތިއްބެވީ ﷲ ގެ ޢަމުރުފުޅުތަކަށް ތަބާވެގެންނެވެ. ކިޔަމަން ގަނެގެންނެވެ. ދެން ފަހެ، އަޅުގަނޑުމެން ސައްތައިން ސައްތަ އިސްލާމުން ކަމުގައިވާ ދިވެހި ރައްޔިތުން ﷲ ގެ ޢަމުރުފުޅުތަކަށް ތަބާނުވެ ފުރަގަސް ދޭންވީ ކީއްވެގެންތޯއެވެ؟ ﷲ ގެ ރަސޫލާ، ﷲ ގެ ޢަމުރުފުޅުތަކަށް ކިޔަމަންގަނެ އިސްލާމުންނަށް ބަޔާން ކޮށްދެއްވީ، ސީދާ ﷲ ބާވައިލެއްވި ޙުކުމްތަކާއި ޢަމުރުފުޅުތަކަށް ވާތީއެވެ. އެކަލޭގެފާނު އަމިއްލަފުޅަކަށް ނޫނެވެ. ﷲގެ ރަސޫލާއާއި އެކަލޭގެ ފާނަށްފަހު، ޚަލީފާއިންގެ ޒަމާނުގައިވެސް ވެރިކަން ހިންގަވާފައިވަނީ، ސީދާ އިލާހީ ޝަރީޢަތް ގާއިމް ކުރައްވައިގެންނެވެ. ދުސްތޫރަކީ، ޝަރުޢު ކުރެއްވި އިސްލާމީ ޝަރީޢަތެވެ. އެއްވެސް ހާލެއްގައި އަމިއްލަ ފަލްސަފާ ތަކެއް ހައްދަވައި ގައުމުގައި ދިރުއްވައިގެންނެއް ނޫނެވެ. އެހެން ކަމަށްވާތީ، އެމުޖުތަމަޢު ތަކުގައި ހުރީ ޢަދުލު އިންސާފާއި ހަމަހަމަކަން ފުރިހަމައަށް ގާއިމުވެފައެވެ. ފަގީރުންނެތް މުޖަތަމަޢަކަށް ވެފައެވެ. ޒަކާތް ބަރާބަރަށް ނެރެވެއެވެ. އިޖްތިމާޢީ އަދާލަތު އޮތީ ފުރިހަމަކޮށެވެ. އެވެރިކަންތަކުގައި އެންމެ މަތީ ބާރަކީ، އިސްލާމީ ޝަރީޢަތެވެ. އެއީ ހުރިހާ ފާޑުކިޔުންތަކުންނާއި ނޭދެވޭ ސިފަތަކުން ހުސްތާހިރު ދުސްތޫރެވެ. އަޅުގަނޑުމެން މުސްލިމުންނަށް އެނބުރި ޢަދުލު އިންސާފާއި ހަމަހަމަ ކަމާއި އިޖުތިމާޢީ ޢަދާލަތާއި ހައްގުތަކާއި ދިމާއަށް ރުޖޫޢަ ވެވޭނެ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ އިސްލާމީ ދައުލަތްތަކުގެ ވެރިންނަށް ތިއްބެވި ރައީސުން އެތަނެއްގެ ދުސްތޫރަކީ، އިލާހީ ޝަރީޢަތް ކަމުގައި ހަމަޖެއްސެވި ދުވަހަކުންނެވެ. އިސްލާމީ ޝަރީޢަތަކީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތް ކަމާއި މި ދެއެއްޗަކީ ސީދާ ﷲ ގެ ޢަމުރުފުޅުތައް ކަން ހިތުގެ އަޑިން ގަބޫލުކޮށް ޢަމަލީ ފޭރާމެއް ލެއްވިގެންނެވެ. ކިތަންމެ ވަރަކަށް އަނދުން އަޅުވާ ޖަރީ ކުރިޔަސް ނުފުދޭނެއެވެ. ކަރުދާހުގެ އެއްވެސްކަހަލަ ވަހެއްނެތް މަލެކޭ އެއްފަދައެވެ. ހަމައެކަނި ޤުރްއާންގެ އާޔަތްތައް މަޖިލީސް ކުރާގޭގެ ކުރިމަތީ ބިތުގައާއި ހައިކޯޓުގެ ކުރިމަތީ ބިތުގައި ބޮޑު އަކުރުން ލިޔެފައި ބެހެއްޓިޔަސް ޢަދުލު އިންސާފާއި ހަމަހަމަކަން ގާއިމްކޮށް އެބާރުން ބާރު ލިބިގަނެވުނީކީ ނޫނެވެ. މިފަދަ މައުނަވީ އާޔަތްތައް ރީތި ގޮތްގޮތަށް ލިޔެ ރަން ކުލައިން ފަވާ ޖަރީކޮށްފައި ބެހެއްޓުމަކުން ނުފުދޭނެއެވެ. އެބަސްފުޅުތައް ކުރިމަތީގައި ތިއްބަވައިގެން އެބަސްފުޅުތަކަށް ޢަމަލު ނުކުރައްވަނީނަމަ، އެވެވެނީ ސީދާ ޚިޔާނާތް ތެރިކަން ކަށަވަރެވެ. އޭ! މުސްލިމު އަޚުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާއަށް ޚިޔާނާތް ތެރި ނުވާށެވެ. މިދުނިޔެއަށް ފޮނުވުނު މާތްއަމާޒާއި މާތްމަގުޞަދު ހާސިލް ކުރާށެވެ. ތިމާގެ އެދުމަކީ، އެއީކަމުގައި ހައްދަވާށޭވެ. ތިމާގެ ހަޔާތަކީ، އެއީކަމުގައި ހައްދަވާށެވެ. ތިމާގެ ނިމުމަކީ، އެއީކަމުގައި ހައްދަވާށެވެ. މިވާހަކަތައް މިހާ ތަފްޞީލްކޮށް މިލިޔަނީ އުނގެނެމުންދާ ދަރިވަރުންގެ އަގީދާ ވަރުގަދަ ކުރުމުގެ މަގުޞަދުގައެވެ. ތައުހީދު ޢިލްމަށް ޒުވާން ސިކުނޑިތައް ހުޅުވި، ޢަޤީދާ ވަރުގަދަ ވުމަކީ، ދެދުނިޔޭގެ ކާމިޔާބެވެ. ފަލާހެވެ. އަދި، އަމާޒަށް ވާސިލް ވުމެވެ. އުއްމީދު ކުރި މަގުޞަދު، ތާއަބަދަށް ހާސިލުވުމެވެ. ހެޔޮޢަމަލު ތަކާއި ދެމިގެންދާނެ ޞަދަގާތްތަކެއް ދުނިޔެއަށް ދޫކޮށް ދިއުމީ، އިންސާނާގެ އަމާޒަށް ވާސިލުވުމުގެ ފޮނި މޭވާއެވެ. ނަތީޖާއެވެ. އެންމެ ފުރަތަމަ އިސްކުރަން ޖެހޭނީ، މުސްލިމަކަށް ވުމުގެ މަތިވެރި ކަމެވެ. އެ ޝަރަފު ލިބުމަކީ ފަޚުރެއްކަން ހަނދާން ކުރާށެވެ. އާދެ! އެންމެ ފުރަތަމަ އިސްލާމް ދީނެވެ. ދެން ހުރި ކަންތައްތައް އެއްވަނައަށް ގެނެވޭނީ، އެއަށްފަހުގައެވެ. އޭ! ﷲ އެވެ! އަޅަމެން ދިވެހީންނަށް، އަޅަމެންގެ މަގުގެއްލިފައިވާ، ޚުދުމުޚްތާރު ޖައްބާރު ވެރިން، ހެޔޮމަގަށް އެޅުވުމުގެ ޙިކުމަތާއި ތައުފީޤު ދެއްވާށިއެވެ! އާމީން!


Comments