ޚިޔާނަތްތެރިން ހިފާހައްޔަރުކޮށް ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ.
- ilyashusein
- Nov 2, 2009
- 3 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ : އެޕްރީލް 2009 ގައި)
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ޝައްކެއްނެތް ގޮތުގައި ޚިޔާނަތްތެރިންނަކީ، ބޮޑެތި މުޖްރިމުންނެވެ. ހިފާހައްޔަރުކޮށް އެކަހެރިކޮށް ބައިތިއްބައިގެން ތަހުގީގު ހިންގަންޖެހޭ ބައެކެވެ. އެމީހުންގެ އެތެރެފުށް ރައްޔިތުންނަށް ފާޅުވާންޖެހޭ ބައެކެވެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބައެކެވެ. އަދި އަމުދުން ދައުލަތަށް ޚިޔާނަތްތެރި ވެފައިވާ މީހުންނާމެދު، ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކޮންމެހެން ވެސް ކުރަންޖެހޭ މަޖުބޫރުކަމެކެވެ. އެފަދަ އެއްވެސް މުޖްރިމަކު މިނިވަންކަން މަތީގައި ދޫކޮށްލާފައި ހުރެގެން ނުވާނެއެވެ. ރައްޔިތުންގެ ޝަރީއަތް ކަމުގައިވާ ގާނޫނު އަސާސީ އެއްފަރާތްކޮށް، ރައްޔިތުންގެ މިލްކުމުދަލަށް އެގޮތްމިގޮތް ހަދާފައިވާ، އަދި ތިރީސްއަހަރު ވަންދެން އަމިއްލަ އެދުމައިގެން ސަރުކާރުގައި ބަގުޑިބެއްދި ޚުދުމުޚްތާރު ވެރިން، ރީތިހާގޮތްގޮތަށް ގައުމުގެ ސިޔާސަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ބައިތިއްބައިގެން ނުވާނެއެވެ. މިކަމަކީ، މިހާތަނަށް ޑިމޮކްރަސީގެ ނަމުގައި ކުރެވުނު އެންމެނުބައި މުޑުދާރު ކަންތަކެވެ. މިބީދައިން މިނިވަންކޮށް ދޫކޮށްލާފައި ބައިތިއްބަން ޖެހޭނީ، ބާރުތައް ވަކިވެފައި އޮންނަ ގާނޫނުއަސާސީ އެއްގެދަށުން ވެރިކަން ކޮށްފައިވާ މީހުންނެވެ. ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމަކީ، އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭމީހެކެވެ. ދިގުމުއްދަތަކަށް ބަގުޑިކްރަސީއެއް ހިންގާފައިވާ ޚުދުމުޚްތާރު ވެރިންނާމެދު ޖެހޭނީ އިންސާފުކުރާށެވެ. ވަރުގަދައަށް ތަހުގީގުކޮށް ވެރިކަމުގެ ދުވަސްވަރުގައި ކޮށްފައިހުރި ކަންތައްތައް ނިއުޅާބެލެންހުރި ހުރިހާގޮތަކަށް ބަލާށެވެ. އެއްގޮތަކަށް ވެސް މިނިވަންކޮށް ދޫކޮށްލާފައި ބައިތިއްބައިގެން ނުވާނެއެވެ. އާދެ! ކުރިޔަށްއޮތް ހަމަސްދުވަހުގެ ތެރޭގައި އެފަދަ އެންމެން ބަންދުކުރަން ޖެހޭނެއެވެ. އެހެންނޫނީ އަމިއްލަފުޅަށް ރަށުންބޭރަށް ފުރާ ވަޑައިގަންނަވަން ޖެހޭވަރު ކުރަންޖެހޭނެއެވެ. ސަރުކާރުގައި ހެކިތައް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ. ބައިވަރު އެބަހުއްޓެވެ. ސަރުކާރުގެ އެކި މުއައްސަސާ ތަކުގެ ބަޖެޓުން ސީދާކޮށް ފައިސާގައި ޖެހިފައި އެބަހުއްޓެވެ. ސާބިތުހިފޭވަރަށް ރިޝްވަތުގެ މައްސަލަތައް ފެންމަތީގައި އެބަހުއްޓެވެ. ސުވާލަކީ، މިފަދަ ދަލީލުތަކާއި ހެކިތައް ފެންނަންހުރެ މިކަންތައް ނުބެލިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ ކޮންބައެއްގެ ނުފޫޒުންތޯއެވެ؟ ކާކުގެ ބާރަކުންތޯއެވެ؟ މިހާރުގެ ސަރުކާރު ތެރޭގައި އެފަދަ ނުފޫޒެއް އުޅޭނަމަ ވަގުތުން އެނުފޫޒެއް ބޭރުކުރެވެން ޖެހޭނެއެވެ. ނައްތާލަން ޖެހޭނެއެވެ. ވަގުތުން ހަމައަކަށް އަޅުވަން ޖެހޭނެއެވެ. ސިވިލް ސާވިސް ތެރޭގައި ނުފޫޒެއް އުޅޭނަމަ އެކަންޖެހޭނީ މިހާރުންމިހާރަށް ހައްލުކުރާށެވެ. އެއްވެސް މުއައްސަސާއެއް ދެދިމާލުން ވަހީއައިސްގެން ސިދާކޮށެއް ނުހިންގޭނެއެވެ. ކޮންމެ މުއައްސަސާ އެއްގައި ހުންނަންވާނީ އެއްވެރިއެކެވެ. އޯޑަރ އަންނަންވާނީ އެއްދިމާއިންނެވެ. ސަރުކާރުގެ އޮފީހެއްވިއްޔާ އެއޮފީސް ހިންގާނީ އެއޮފީހެއްގައި ހުންނަވާ އެންމެއިސް ސިޔާސީމީހާއެވެ. ޕާމަނަންޓް ސެކެޓަރީންނާއި ޒިންމާދާރު ވެރިން އަންނަންޖެހޭނީ އޭގެދަށަށެވެ. އަމުރުތައް ނެރެންޖެހޭނީ އެއްވެރިއެއްގެ ކިބައިންނެވެ. ދެދިމާލެއްގައި ތިއްބަވާ ދެވެރިންގެ ފަރާތަކުން ނޫނެވެ.
އޭ! ލޮބުވެތި ރައްޔިތުންނޭވެ! މަޑުންނުތިބޭށެވެ! ހަމައެކަނި ވެރިމީހާ ބަދަލުކޮށް ލުމަކުން ނުފުދޭނެއެވެ. ރައްޔިތުންގެ އާސަރުކާރު ޒިންމާދާރު ކުރުވާ، ޚިޔާނަތްތެރިން ސީދާ މަގަށްއެޅުވުމަކީ، ރައްޔިތުންގެ ކަމެކެވެ. އިސްލާމްދީނަށް ބަލާއިރު، ކީރިތިރަސޫލާއަށް، ﷲ އަންގަވާފައިވަނީ، މިފަދައިންނެވެ. “ހަމަކަށަވަރުން ހައްގުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތްބާވައިލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ހުކުމް ކުރެއްވުމަށެވެ. ޚިޔާނަތްތެރިންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!” ފަހެ، ރައީސް މައުމޫނުގެ ދިފާއުގައި، ރައީސް ނަޝީދު އުޅުއްވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައެއް ނުގަންނަވައެވެ. އިނގިރޭސި ކޮންޒަވޭޓިވުން ލަފާދެއްވިޔަސް މިއީ ކޮށްގެންވާނެ ކަމެއްނޫނެވެ. ދައުލަތުގެ ބަޖެޓުން، ރައްޔިތުންގެ ފައިސާއިން ރައީސް މައުމޫނަށް ޚަރަދުބަރަދުދީ ބޮޑީގާޑުންނާއި މުވައްޒަފުން ދީގެން ބަލަހައްޓައި ދޭންޖެހޭނީ، ދިވެހި ރައްޔިތުން އެކަމަށް އެދިއްޖެ ހާލަތެއްގައި އެކަންޏެވެ. ފަހެ، އެފަދަ ކަމެއްކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން އެކަންޏެވެ. އެނޫންގޮތަކަށް ކުރީގެ ރައީސުންނަށް ދައުލަތުގެ ޚަޒާނާއިން އެންމެފައިސާ ފޮއްޗެއްވެސް ޚަރަދުކޮށްގެން ނުވާނެއެވެ. ޚިޔާނަތްތެރިން ހިމާޔަތްކުރުމަކީ އެއްވެސް ޑިމޮކްރަސީއެއްގައި އޮންނަކަމެއް ނޫނެވެ. ބިރުންހުރެ ބިރުގެންނެވުމުގެ މަގުސަދުގައި ފޮނުވާ ސިޓީތަކަށް އަޅާލާކަށް ނުޖެހޭނެއެވެ. ރައީސް ނަޝީދަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ނަމުގައި ސިޓީފޮނުވާކަށް ނުޖެހެއެވެ.
ދެންފަހެ، ދަންނާށެވެ! އެންމެ ހެއްވާކަމަކީ، ދާދިފަހުން ކުރީގެ ލީގަލްރިފޯމް މިނިސްޓަރ އަލްއުސްތާޒު މުހަންމަދު ނަޝީދު ވިދާޅުވި ގޮތުގައި މިގައުމުގެ އިސްލާހީ ޕްރޮގްރާމު ފުރިހަމަ ކުރެއްވުމުގެ ޒިންމާއޮތްމީހަކީ، ކުރީގެ ރައީސް މައުމޫނު ކަމުގައި ވިދާޅުވި ވިދާޅުމެވެ. މިކަހަލަ ދެކޮޅުނުޖެހޭ ވާހަކަތައް ރައްޔިތުންގެ ތެރެއަށް ވިސްނުންތެރިން، ވިސްނުމަށްފަހު ނެރެނީ ސަރުކާރުން އެފުރުސަތު ހުޅުވާލާފައި އޮންނާތީއެވެ. ޚިޔާނަތް ތެރިންނަށް ސިޔާސީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ދޮރުހުޅުވާލާފައި އޮތީމައެވެ. ރައްޔިތުންގެ ތެރެއަށް މިބާވަތުގެ ވިހަގަދަ އެތައްޖަރާސީމު ތަކެއްދަނީ ދޫކުރަމުންނެވެ. މިފަދަ ޖަރާސީމުތައް ރައްޔިތުންގެ ތެރެއަށް އާންމު ވިޔަދީގެން ނުވާނެއެވެ. ސަރުކާރުން އެފަދަކަންތައް ހުއްޓަން ޖެހޭނެއެވެ. ފިޔަވަޅު އަޅަންޖެހޭނެ އެވެ. ބިރުގަނެގެން ނުވާނެއެވެ. ފަހަތަށް ޖެހިގެން ނުވާނެއެވެ.
ފަހެ ދަންނާށެވެ! އިސްލާމުން އެބައިމީހުންގެ ވެރިއަކަށް، ލީޑަރަކަށް އިސްކުރާ ވެރިމީހާ ބިރުގަންނަންޖެހޭ އެއްވެސް ހާލަތެއް މެދުވެރިވެގެން ނުވާނެއެވެ. ﷲ ފިޔަވާ ބިރުގަންނަންޖެހޭ އެހެން އެއްވެސް ފަރާތެއް ނުވާނެއެވެ. ޚިޔާނަތްތެރި ވެއްޖެމަނަ، ހަމައެކަކަށް ވެސް ބަލާކަށް ނުޖެހެއެވެ. ވަކިފަރުދެއްގެ ކަނދުރާއަށް ބޮލަކަށް ބަލާކަށް ނުޖެހެއެވެ. ނުރައްކާތެރި ބައްޔެއްފެތުރޭނަމަ ކަރަންޓީނު ކޮށްގެން ނަމަވެސް އެކަމުން މުޅިރައްޔިތުން ސަލާމަތްކުރަން ޖެހޭނެއެވެ. ކުރީގެ ރައީސަކަށް، އަދި އިއްތިހާދުވީ އިއްތިހާދީންނަކަށް ބަލާކަށް ނުޖެހެއެވެ. އިނގިރޭސި ކޮންޒަވޭޓިވުންގެ ލަފާތައް ގަބޫލުކުރާކަށް ނުޖެހެއެވެ. ކީރިތި ރަސޫލާއަށް ﷲ އަންގަވާފައި ވަނީ، ބަޔަކު މީހުންގެ ކިބައިން، ޚިޔާނަތްތެރިކަމެއް އަތުވެދާނެކަމަށް ބިރުފުޅު ގަންނަނަމަ، އެބަޔަކާއެކު ކުރައްވާފައިވާ މުއާހަދާއެއް، އެބަޔަކުގެ މައްޗަށް ހަމަހަމަވާގޮތުގެ މަތީން އަނބުރާރައްދު ކުރެއްވުމަށެވެ. ހަމަކަށަވަރުން، ޚިޔާނަތް ތެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. ރައްޔިތުންނަށް އަދުލްވެރި، އިންސާފުވެރި ސަރުކާރެއްގެ ދުސްތޫރީ ހަމަތައް ބަހައްޓަންވީ ގޮތަކީމިއެވެ. ބޭރުގެ އޮއިވަރާއި ނުފޫޒަށް ތަބާވާކަށް ނުޖެހެއެވެ. މުޖްތަމައުން ޚިޔާނަތް ނައްތާލުމަށް އަތްލަންޖެހޭ ކޮންމެއެއްޗެއްގައި އަތްލަން ކެރެން ޖެހޭނެއެވެ. ކޮރަޕްޝަނާއި ޚިޔާނާތަކީ، އަޅުގަނޑުމެންގެ މިރީތި، ސާފު، އޮމާން މުޖްތަމައުން އެކުގައި ފޮހެލަން ޖެހޭބައްޔެކެވެ. އޭ! ﷲ އެވެ! ދިވެހި ރައްޔިތުންގެ ތެރެއިން ކޮރަޕްޝަނާއި ޚިޔާނަތާ ދެކޮޅަށް ތެދުވާނެ ޒުވާން ކެރޭބަޔަކަށް ހިތްވަރާއި ކެރުން ދެއްވާށިއެވެ! އާމީން!


Comments