top of page

ޙަސަނާއި އަންނިއަކީ، ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟

  • Writer: ilyashusein
    ilyashusein
  • Oct 25, 2009
  • 5 min read

އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ:10 މޭ 2008މ،ގައި)

ޝައްކެތްނެތެވެ. އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އަކީ، 1989 ވަނަ އަހަރު އިނގިރޭސި ވިލާތުން، ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިގެން މާލެ ވަޑައިގެން، ރައީސް މައުމޫނުގެ މަގު ފުރެދިފައިވާ ސަރުކާރުގައި މަދު ދުވަސްކޮޅަކު އުޅުއްވި ވަރަށް ކަންކަމުގައި އިސްކޮށް އުޅުއްވަން ކެރޭ މުރާލި ބޭފުޅެކެވެ. އަދި މާލެ ވަޑައިގެންނެވި ހިސާބުން ފެށިގެން ވެސް އޭނާއަކީ، ދިވެހި ރާއްޖޭގައި، 1980 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ އިސްލާހީ ހަރަކާތުގައި، އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި އިސް ބޭފުޅެއްކަން، ދިވެހި އުންމަތް ހިތުރުހުމުން ގަބޫލުކުރާނެ މީހެކެވެ. އެކަމަށް ދިވެހި އުންމަތް ހެކިވާނެ މީހެކެވެ. ޑޮކްޓަރ ހަސަން ސަޢީދަކީ، އޮސްޓްރޭލިޔާއިން ޑޮކްޓަރ އޮފް ފިލޯސަފީ، ދުނިޔެމަތީ ގައިނެގޭ، އެންމެމަތީ ފާސް ހާސިލު ކުރައްވައިގެން މާލެ ވަޑައިގެންނެވި ހިސާބުން ފެށިގެން، ރައީސް މައުމޫނުގެ މަގުފުރެދިފައިވާ ސަރުކާރު ދަމަހައްޓަން ވަރަށް ހިތްވަރާއެކު، ގަދައަޅާ މަސައްކަތް ކުރެއްވި މީހެކެވެ. 5 އޯގަސްޓް 2007 ވީ (އާދީއްތަ) ދުވަހު މެންދުރުފަހު، ދެގަޑި ތޭވީހުގައި ރައީސް މައުމޫނަށް އިސްތިއުފާސިޓީ ހުށަހެޅުއްވި ވަގުތާ ޖެހެންދެން އެނާ ހުންނެވީ، އެގޮތުގެ މަތީގައެވެ. އެދުވަހު ރައީސް މައުމޫނަށް ގޮވިއެއްޗެއް ނޫސްވެރިންގެ ކުރިމަތީގައި ގޮވާހެއްދެވީ، ރައީސް މައުމޫނަށް އިޚްލާސްތެރި ވުމަށާއި އޭނާ، އަހުރެންނާ ހަވާލުކުރާ ވާޖިބުތައް، ތެދުވެރިކަމާއި އަމަނާތްތެރި ކަމާއެކު، އަދާ ކުރުންމަތީ ދެމި ހުރުމަށް، ﷲ ގަންދީ ހުވާކޮށް، އެހުވާމަތީގައި ހުންނަވައިގެން އެހުވަޔާ ޚިލާފަށެވެ. ފަހެ، އެހިނދު އެނާ ހުންނެވީ ވަޒީރެއްގެ ފުރިހަމަ ޤާނޫނީ ހައިސިއްޔަތާއި ހައިބަތާ އެކުގައެވެ. އަދި އޭރު، އިސްތިއުފާ ގަބޫލު ނުކުރައްވައެވެ. ދެންފަހެ، އެހިސާބުން ފެށިގެން، އެހިނދުން އޭނާއަކީ ވެސް، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާން މަސައްކަތް ކުރައްވާ މީހެކެވެ. އަދި އެހަރަކާތުގެ ބައިވެރިއެކެވެ.

ދެންފަހެ ދަންނާށެވެ! އަދި ހަސަނަކީ، ރައީސް މައުމޫނުގެ ދިފާއުގައި ހުންނެވިއިރު، ރާއްޖޭގައި އުފެދިފައި އޮތް ވަރުގަދަ އިސްލާހީ ހަރަކާތް ފުނޑުފުނޑު ކޮށްލާއި ނައްތާލުމަށް ރައީސް މައުމޫނަށް، މާއްދީގޮތުން ހީލަތްތެރި، މޮޅެތިލަފާ އަރުވައި، އޭރު އިސްލާހީ ގޮތުން ހަރަކާތްތެރި ވަމުންދިޔަ އެމްޑީޕީއާ އެންމެބޮޑަށް ޒާތީގޮތުން ދެކޮޅުހެއްދެވި، މީހާކަން ދިވެހި އުންމަތް ގަބޫލުކުރާނެ ޝަޚްޞެވެ. އަދި އެކަމާ ރައްޔިތުންގެ ބޮޑުބައެއް ހެކިވާނެ މީހާއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ބައިވެރިންނާ ދިމާލަށް އަބޫޖަހުލުގެ ދަރީންނޭ ގޮވާހެއްދެވި މީހާއެވެ. އެމްޑީޕީން ކުރިޔަށް ގެންދާ، އިސްލާހީ ހަރަކާތުގެ މައިހިޔާވެހި ކަމުގައިވާ ހަރުގެ ބިމާހަމަކޮށް ލުމަށް ގާނޫނީލަފާ ނެރުއްވުމަށް ފަހު، ގައުމީ ރޭޑިޔޯއިން އަޑުއިވޭގޮތަށް ގައުމީ ޓީވީއަށް އަރާއިންނަވައި، އެސުންޕާ އަމަލު ދިފާއުކޮށް، ރައީސް މައުމޫނަށް ހިމާޔަތްދިން، އަދާލަތުގެ ކަންފުޅެއް ނެތް މީހާއެވެ. އެމްޑީޕީގެ ނަމުގައި ދައުލަތުގެ ބަންޑާރަ ނައިބު އޮފީހާއެކު ވާހަކަ ދަށްކަން އޭރުހުރިމީހަކީ، ސީދާ އަޅުގަނޑެވެ. އެމީހުންގެ ވިސްނުން އޭރުހުރިގޮތް އެންމެ ރަނގަޅަށް އެނގޭނީ ޚުދު އަޅުގަނޑަށެވެ. ދެވަނަ މީހަކަށް ނޫނެވެ. އަޅުގަނޑަކީ، އެމްޑީޕީގެ ރަޖިސްޓްރަރ އެވެ. އަދި ރަޖިސްޓްރީގައި ދެވަނައަށް ރަޖިސްޓްރީވި މީހާއެވެ. ތިން މުއައްސިސުންގެ ތެރެއިން އެކަކެވެ. އަދި އޭރު ހުރިހާކަމެއް ހިންގާ ބެލެހެއްޓި މީހާއެވެ. އަޅުގަނޑުގެ މައްޗަށާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަލްފާޟިލް އަހްމަދު ޢާދިލުގެ މައްޗަށް، 2004 އޯގަސްޓް 12، 13 ގެ ހައްގުނޫން ދައުވާ، އުފުއްލެވި އިންސާފެއްނެތް މޭސްތިރިޔަކީ، މިދަންނަވާ ބަންޑާރަ ހަސަނެވެ. އޭނާއަކ،ީ ދީނީގޮތުން އަގީދާ ބަލި މީހެއްކަމާއި ދީނީ އަގީދާއަށް ފުރައްސާރަ ކޮށް، “ފްރީޑަމް އޮފް ރެލިޖަން، އެފޮސްޓަސީ އެންޑް އިސްލާމް” މިފޮތް، ތަސްނީފު ކުރެއްވުމުގެ އެއްބައިވެރިޔާ އެވެ. އަދި ލާމުއަތޮޅުގައި ދެއްވި ތަގުރީރެއްގައި ދީނަށް ކުޑައިމީސްވާ ގޮތަށް ރާއްޖޭގެ އަންހެނުންގެ ދުވަހެއްގައި ވާހަކަ ދަށްކަވާފައިފާ ހުޅަގަށް ލެނބޭ ޒާތުގެ ބޭފުޅެކެވެ. އަދި ރާއްޖޭގައި އަލަށް ތައާރުފް ކުރުމަށް، ފަރަންޖީންގެ ޖަމާއަތެއް ލައްވާ އެކުލަވާލި ލާދީނީ ގާނޫނުލް އުގޫބާތުގެ ކުރެހުން ތެރިޔާއެވެ. މިވާހަކަތައް ވަރަށް ފުރިހަމަކޮށް، އެމްޑީޕީގެ ދީނީ މަޖިލީހުގެ ރައީސް އައްޝައިޚް ބީއޭ ނަސީމު ވަނީ ލިޔުއްވައި ދިވެހި ރައްޔިތުންނަށް ހާމަކޮށް، ބަޔާންކޮށް ދެއްވާފައެވެ. އެލިޔުންތައް މިހާރުވެސް އެކި އަރުޝީފުތަކުން ފެންނާން އެބަހުއްޓެވެ. ހޯއްދަވައިގެން އަދި އެއްފަހަރު، ވިދާޅުވެ ލައްވާށެވެ. ފަހެ، އެންމެ ހެއްވާކަމަކީ، މިފަދަ ލިޔުންތައް ލިޔުއްވި ޝައިޚު، ހާޒިރުވެ އިންނެވި އެމްޑީޕީ ގައުމީ މަޖިލީހުން، ދިވެހިދައުލަތުގެ ރައީސަކަށް ހަސަނުނަގާފައި އޭނާގެ ނައިބު ރައީސަކަށް އަންނި ވުމަކީ، އެންމެ ރަނގަޅުގޮތް ކަމުގައި އިއްތިފާގު ވީހިނދު، އެމަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާއި އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވައި ވާހަކަދެއްކެވި ބޭފުޅަކަށް އެމާތް ތަގުވާވެރި ޝައިޚު ވީތީއެވެ. ފަހަރުގައި މިއީ ޝައިޚުގާތުގައި ޒަމާނީ ޑިމޮކްރަސީ ކަމަށް ވެދާނެއެވެ.

ފަހެ، ދަންނާށެވެ! 2004 އޯގަސްޓް 12، 13 “ކަޅުހުކުރު” ގައި ބަންދުކުރެވުނު ރިފޯރމިސްޓުންނަށް ޤާނޫނު އަސާސީން ލިބިދޭ އެންމެ މުގައްދަސް ހައްގުކަމުގައިވާ، ގާނޫނީވަކީލުން ލިބިދިނުމުގެ ހައްގު ނިގުޅައިގަނެ ރައީސް މައުމޫނުގެ މުށުތެރެއަށް އަސާސީގެ އަސާސީ ހައްގުތަކާބެހޭ އެންމެމުހިންމު މާއްދާތައް ލެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ، މިހާރު އެމްޑީޕީގެ މުގައްދަސް ވަތުތަށީގައި ބައިންދަން ގަސްތުކުރާ ޖޯޑެވެ. އޭރުގެ ބަންޑާރަ ހަސަނެވެ. ފަހެ މިޖޯޑަކީ، އެފަދަސާފު ތާހިރު ވަތުތައްޓަކަށް އެކަށީގެންވާ ޖޯޑެއްނޫނެވެ. ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ގިނަމާއްދާތަކެއް އަސާސީގެ، 144 ގެ ދަށުން ކަމަށްބުނެ، ރައީސް މައުމޫނުގެ މުށުތެރެއަށްލައްއި، އެމާއްދާތަކަށް އަމަލު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށް، ބަންދުކުރުވީ ސީދާ ހަސަނެވެ. ދެވަނަމީހެއް ނޫނެވެ. ހަސަނާއި ޑޮކްޓަރ މަހްމޫދުޝައުގީ އިސްކޮށް ތިއްބަވާ ގޮތަށް އުފެއްދުނު، ވަރަށް ޚާއްސަ ރިޔާސީ ކޮމެޓީ އަކުން، އެކަމުގައި ތާށިކުރި އެންމެންނަށް ދައުލަތުގެ ބާޣީންގެ ނަމުގައި އެތައް އަނިޔާތަކެއް ކުރިއެވެ. ތަހުގީގުތައް ރާވާއި ބައްޓަންކޮށް ކުރިޔަށް ގެންދިޔައީ އެމީހުންނަށް ފެނުނުހާ މުޑުދާރު ގޮތަކަށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ޢަދުލް އިންސާފެއް ހަމައެއް ލަމައެއް ނެތިއެވެ. ލާއިންސާނީ ކޮށެވެ. އަލްއުސްތާޒު މައުމޫނު ހަމީދު އިސް މުޝީރަކަށް ކޮމާންޑުގައި ބަހައްޓައިގެން ނެވެ. ދުއިސައްތަ ވަރަކަށް ސިފައިނާއި ފުލުހުން އޭނާގެ ދަށަށް ދީގެން މުޅިން ވަކިއޮފީހެއް، ސިފައިންގެ މައިމަރުކަޒުން ބޭރުގައި ހަދައިގެންނެވެ. ހައްޔަރުކުރި މީހުންނަށް، ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ސިފައިންނާއި ފުލުހުން ކުރި ހުތުރު ދުއްތުރާތަކުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ސީދާ ބަންޑާރަ ހަސަނެވެ. ޖިންސީގޮތުން ފިރިހެނުންނަށް ކުރިއަނިޔާތައް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަލްފާޟިލް ފުރަހަނި ޝުޢައިބުއަލީއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. އަންހެނުންނަށް ޖިންސީގޮތުން ކުރި އަނިޔާތައް އެމްޑީޕީގެ މެންބަރު އަލްފާޟިލާ އެލީނާ އަހްމަދު އައްބާސް، ދޮންބިއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. މިހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހަސަނު ހުންނެވި އިރު، އެހީތެރިއަކަށް، އަދި އިސް ތަރުޖަމާނަކަށް ހުންނެވީ، އެމްޑީޕީގެ މުގައްދަސް އިސްލާހީ ހަރަކާތް ފުނޑުފުނޑު ކޮށްލާއި ޖަނާޒާއަށް ގޮވާލެއްވި، ޑޮކްޓަރ އަހްމަދު ޝަހީދެވެ. ރައީސް މައުމޫނުގެ ޖައްބާރު ޚާރިޖީވަޒީރެވެ. ރައްޔިތުންނަށް އެތައް އަނިޔާތަކެއް ވެފައިވާ މީހެކެވެ. ރާއްޖެ ލާދީނީކުރުމުގެ މުގުލުގައި ހުންނެވި ޔަހޫދީޚިޔާލުގެ ބޭފުޅެކެވެ. ފަހެ މިބޭފުޅުން، މިހާރު ލަދެއް ނުގަނޭތޯއެވެ؟ ރައްޔިތުންގެ ހިތްތަކުން މިފަދަ އަނިޔާވެރި، ޖާހިލީ ކަންތައްތަކަކީ، ހަދާންނެތިކޮށްލާއި ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ. މުޖުރިމުން އަބަދުވެސް ވާނީ މުޖުރިމުން ނަށެވެ. ހަކުރުވާނީ ހަކުރަށެވެ. ލޮނުވާނީ ލޮނަށެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ކެނޑިއްޖެ ބިކުރަކީ އަނބުރާ ގެނެވޭނެވި، އިޢާދަކުރެވޭނެ އެއްޗެއް ނޫނެވެ. ފައިސާއާއި ވަގުތު ބޭކާރުކުރެވި ދާނެއެވެ. ރައްޔިތުންގެ ޚިޔާލާތާއި ފިކުރު، ބަދަލެއް ނުކުރެވޭނެއެވެ. ޝައްކެއް ނެތެވެ! މިކަން ދަންނާނެ ބަޔަކު އަބަދުވެސް ތިބޭނެއެވެ.

ފަހެ، ދަންނާށެވެ! ކޮންމެހެނެއް ވިޔަސް މިދެމީހުންނާއި އަލްއުސްތާޒު މުހަންމަދު ޖަމީލުއަހްމަދު ވެގެންދާނީ، ރައީސް މައުމޫނާ، ހަމައެއްވަރަށް އެމްޑީޕީގެ އިސްލާހީ ހަރަކާތް ފައިދަށުލާއި ފުނޑާލެއްވުމަށް ފައިނެންގެވި ތިން މުޖުރިމުން ނަށެވެ. އެއީ ރައްޔިތުން ސާބިތުކޮށް ފައިވާ ކަމެކެވެ. ކޮޅުބަދަލު ކޮށްލެއްވީ، ދެން އެނޫން ގޮތެއް ކުރިމަގުގައި ފެންނަންނެތްކަން ޔަގީންވެ ކަށަވަރުވީ ހިސާބުންނެވެ. ރައީސް މައުމޫނުގެ ވިސްނުންފުޅު ތޫނުކަމުން މިތިން މީހުންގެ ބޭނުން އެންމެ ފުރިހަމައަށް ހިތްޕެވީއެވެ. އަދިވެސް އެގެންދަވަނީ ބޭނުން ހިތްޕަވަމުން ނެވެ. ޑޮކްޓަރ ޝަހީދު އަދިވެސް ހުންނެވީ، ޑީއާރުޕީ އަށް ނިސްބަތްވާ ގޮތަށެވެ. ޑީއާރުޕީގެ ސްޓޭޖުގައި އެންމެފަހުން އެމަނިކުފާނު ދެއްވި، ދެކޮޅުނުޖެހޭ ތަގުރީރުންވެސް އެކަން ސާބިތު ވާނެއެވެ. ނިއޫ މޯލްޑިވްސްގެ ގިނަ މުއައްސިސުން ތިއްބެވީ، ޑީއާރުޕީ ގައެވެ. ނިއޫ މޯލްޑިވްސް އަށް ހަމްދަރުދީ ވާމީހުން ތިއްބެވީ ވެސް ޑީއާރުޕީ ގައެވެ. އޮނަރަބްލް މުހަންމަދު ވަހީދުއްދީނާއި އޮންރަބްލް އާއިޝަތު މުހަންމަދުދީދީ އާއި އޮނަރަބްލް ހުސައިން ހިލްމީމެން ތިއްބެވީ، ރައީސް މައުމޫނުގެ ކަށްތިރީންގެ ގޮތުގައި އެމަނިކުފާނު ވެއްޓިދާނެތީ، ވިއްދާއިގެން ހިމާޔަތް ކޮށްދޭށެވެ. ބޭރުފުށަށް ދަށްކަނީ އެންމެ ތިންމީހުންގެ ބާރެއްގެ ގޮތަށެވެ.

ދެން ފަހެ ދަންނާށެވެ! ނިއޫ މޯލްޑިވްސް އަކީ، ރައީސް މައުމޫނަށް ހަމްދަރުދީވާ، އެނާގެ ހިޔަންޏެކެވެ. އޮނަރަބްލް ޔާމީނުގެ ޕީއޭ އަކީވެސް އޭނާގެ ހިޔަންޏެކެވެ. އަދި އޮނަރަބްލް ގާސިމް އިބްރާހީމާއި އޮނަރަބްލް އިލްޔާސް އިބަރާހީމަކީ ވެސް އޭނާގެ ދެހިޔަންޏެވެ. އިސްލާހީ ހަރަކާތް ބައިބައިކޮށް ފޮތިފޮތިކުރުވަނީ، ރައީސް މައުމޫނުގެ މިފަދަ ހިޔަނި ތަކުންނެވެ. ނިޒާމީވޯޓު ހަލާކުކޮށްލީ ޕީއޭއަށް ނިސްބަތްވާ، ގއ.އަތޮޅުގެ މެންބަރު އަލްފާޟިލް އަބްދުﷲ ޖާބިރު އިދިކޮޅު ލީޑަރަކަށް އިސްކޮށް ހުންނަވައިގެން ހަޅޭއްފަޅޭ ލައްވައި ބޮޑުމަޖިލިސް ތެރޭގައި އަޑުގަދަކޮށް ގެންނެވެ. އެދުވަސްވަރު ހީވަނީ އެހެން ކަމެއްހެނެވެ. އަލަށް އެކުލަވާލެވޭ ގާނޫނު އަސާސީގެ އިންތިގާލީ ބާބު، އާއަސާސީގައި ވިއްކާލި ބާބަކަށް ވެގެން ދިޔައީ، އިދިކޮޅު ލީޑަރަކަށް ދ.އަތޮޅު މެންބަރު އަލްފާޟިލް އަހްމަދުނާޝިދު ވަރަށް އިސްކޮށް ހުންނަވައިގެން ހިންގެވި ނޭއްގާނީ އަމަލު ތަކުންނެވެ. މިއީގާސިމުގެ އަޑިނޭނގޭ ސިއްރު ރޭވުމެވެ. މީނާއަކީ، އޭރު ގާސިމުގެ އެއްއަތެވެ. ބޮޑު މަޖިލީހުގެ ތަޅުމަށް، މޮޅެތި ހުށަހެޅުން ތަކެއް އިސްވެ ހުންނަވައިގެން ހުށަހެޅުއްވަމުން ގެންދިޔައެވެ. ހީވަނީ އެހެންކަމެއް ފެށިގެން އުޅޭހެންނެވެ. އޭނާ ހިންގާ ހޮސްޕިޓަލް އޭޑީކޭ އަށާއި އަމިއްލަ ކާރުކޮޅަށް، ތަކުރާރުކޮށް ބަޔަކު ހަމަލާދޭތަން ފެނެއެވެ. އެއަޑުތައް ރަށުތެރެއަށް ފެތުރިގެން ދެއެވެ. އެކަން ކުރާބަޔަކު ވެސް އިނގެއެވެ. ވީޑިޔޯވެސް ގެންގުޅެއެވެ. އެހެނަސް ރޭވިގެން ހިންގޭކަންތަކަށް ވާތީ އަޅާލާނެ، ޒިންމާނަގާނެ ފަރާތެއް ނުވެއެވެ. ތަހުގީގުކޮށް ބަލާނެ ފަރާތެއް ނުވެއެވެ. އިންތިގާލީ ސަރުކާރެއް ގެނައުމަށް ކުރެވުނު މަސައްކަތަށް ލިބުނީ އެންމެ 37 ވޯޓެވެ. އެހިސާބުން ކުރެވުނު ހުރިހާ މަސައްކަތެއް ފެނަށް ވީއެވެ. ފަނުފުލުން ދިޔައީއެވެ. އިސްކޮށް ހުންނެވީ، އޭޑީކޭ ނާޝިދެވެ. މިފަދަ މުހިންމު ކަންކަމުގައި އެމްޑީޕީއަށް ނިސްބަތްވާ އިސް މެންބަރުން ޕާލަމެންޓުގަޔާއި ބޮޑުމަޖިލީހުގެ ތަޅުމުގައި މުހިންމު އިސްރޯލުތައް ކުޅުއްވާތަނެއް ނުފެނެއެވެ. ކ.އަތޮޅު މެންބަރު އަލްފާޟިލާ މާރިޔާ އަހްމަދުދީދީ އާއި ޅ.އަތޮޅު މެންބަރު އަލްފާޟިލް އިބްރާހީމް މުހަންމަދު ސާލިހު މެންފަދަ ގާބިލު ބޭފުޅުންގެ ރޯލު މިފަދަ ކަންކަމުގައި ފެންނަލެއް މާމަދެވެ. ވަރަށް ފަނޑެވެ. އެއްމެ ވޯޓަކަށްޓަކައި ރައީސްއޮފީހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް އަހްމަދު ޒާހިރު، ސައުތުއެފްރިކާ އަށް ކުރައްވަން އޮތް ދަތުރުގައި ފުރުއްވިޔަ ނުދީ ހިފޭއްޓެވިއިރު، އެމްޑީޕީގެ ދެމެންބަރުން ތިއްބެވީ، ސައުތުއެފްރިކާ ދަތުރުގައި ރަށުންބޭރުގަ އެވެ. އިދިކޮޅު ކަންތަކުގައި އިސްނަގަން ވާނީ، ހަގީގީ އިދިކޮޅު ލީޑަރުންނެވެ. ކާމިޔާބުވާނީ އޭރުންނެވެ. ރައްޔިތުންގެ ލޯތްބާއި ރުހުންލިބޭނީ އޭރުންނެވެ. ފަހެ، އެމްޑީޕީގެ އާންމު މެންބަރުން ހޮވާއި އިންތިޚާބުކުރި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު ނިއޫ މޯލްޑިވްސްފަދަ ބައެއްގެ ދަށުވެ، ރަނިންމޭޓުކަން ގަބޫލުކޮށް ގެނެއްނުވާނެ އެވެ. އިނގިރޭސިން އެންގިޔަސް މިކަން ހަގީގަތަކަށް ހަދައިގެން ނުވާނެއެވެ. އިނގިރޭސިން ތިބޭނީ، ދެކޮޅަށް ކޮޅުލައިގެންނެވެ. ޙަސަނާއި ޑޮކްޓަރ ޝަހީދުމެންގެ ހަމްދަރުދީ އިސްލާހީ ހަރަކާތުގައި ތިއްބެވި އިސްމީހުންގެ، އެމްޑީޕީއާ ދިމާއަށް ލޫދިގެން ދިޔައީ، ކޮޅުބުގައި ހުންނަވާ އިނގިރޭސި ސަފީރު ކުރެއްވި މަސައްކަތުންނެވެ. އަންނިގެ ހިތުގައި ބިންވަޅު ނެގިފައިވާ، އަމިއްލަ ސިޔާސީ ބޭނުމެއްވާނަމަ އެކަން ކުޑަގޮތަކަށް ކޮށްލެވިދާނެއެވެ. އެހެނަސް، އޭރުން ވެރިކަމުގެ ރޭހަށް ނެރެވޭ އެޖޯޑަކީ، ރާއްޖޭގެ ވެރިކަމަށް އެންމެކަމުދާ ޖޯޑަކަށް ނުވާނެއެވެ. ހަސަން ސަޢީދާއި އަންނިއާ ގުޅިގެން ވެރިކަމަށް ނުކުތުމުން، ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. އަދި މިކަހަލަ އެއްބަސްވުމަކަށް ދާންމާއަވަހެވެ. ފަހެ، ގިނަޕާޓީގުޅޭ އިއްތިހާދެއް އުފައްދަންވާނީ، އެކަމަށް ވަގުތުޖެހި މަޖުބޫރު ވީމައެވެ. އަމިއްލަ ފައިދާއަށް އުފައްދަން އުޅޭ އިއްތިހާދު ހަގީގީ އިއްތިހާދަކަށް ނުހެދޭނެކަން ކަށަވަރެވެ. މޭވާއެއް މީރުކަންމަތީގައި ކާލެވޭނީ ދޮންވެ ފަށްކާވީމައެވެ. އެހެން ގައުމު ތަކުގައި އެފަދަ ކަންތައްތައް އެކުލަވާ ލެވެނީ، އެކަމަށް ސިޔާސީ ހާލަތު މަޖުބޫރުވެ ރަނގަޅަށް ތައްޔާރު ވީމައެވެ. އިދިކޮޅުގައި ހުރިފަންވަރަކާއި ބާރެއް ރީތިކޮށް ކަށަވަރުވީމައެވެ. ފަހެ ދަންނާށެވެ! މަސައްކަތް އިޚްލާސް ތެރިވުމުން، އޮޓޮމެޓިކުން އިއްތިހާދު ވާންޖެހޭ ވަގުތު ތައްޔާރުވެގެން އަންނާނެއެވެ. ދޮންވެ ކާލަން ކެރޭވަރަށް މޭވާ ފަށްކާވެގެން ދާނެވެ. އެފަދަ އިއްތިހާދެއް ވާއިރު ހުރިހާ ޕާޓީއަކުން އެންމެން ރުހި، އެއްބަސްވާ ހަމަތަކެއް ވެސް ކުރިން ލިޔެވި، ހަމަޖެހިފައި ނެތިއެއް އިއްތިހާދެއް ނުވެވޭނެއެވެ.

ފަހެ ދަންނާށެވެ! ޕާޓީއެއްގެ އާންމު މެންބަރުން ނިޔާކަނޑައެޅި ހުކުމެއް ބާތިލު ކުރުމުގެ ހައްގު އެޕާޓީގެ އެހެން ގުނަނަކަށް ލިބިގެންނެއް ނުވާނެއެވެ. އާންމު މެންބަރުން ރިޔާސީ ކެނޑިޑޭޓަކަށް ހޮވާފައި ވަނިކޮށް، ގައުމީ މަޖިލީހުން އެހެންގޮތަކަށް އެކަމަށް ބަދަލެއް ނުގެނެވޭނެއެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ މަޝްވަރާއަކީ، ނުވަތަ އެގަރާރަކީ، ބާތިލު އެއްޗެކެވެ. ސައްހަ އެއްޗަކަށް ނުވާނެއެވެ. މާލެ ދާއިރާގެ ރައީސް އަލްފާޟިލް އަމީން ފައިސަލްގެ ސިޔާސީ ވިސްނުންފުޅު ތަސައްރަފު ނުފުދޭ ކަމުގެ ހެއްކަކަށް އެގަރާރު ނުވަތަ އެބަސްފުޅުތައް ފުދެއެވެ. މިއީ ސިޔާސީގޮތުން އަމީން ފައިސަލް ލައްވާކުޅުވާ ސިޔާސީ ކުޅިއެއްކަން ކަށަވަރެވެ. ފަހެ، އެއްގޮތަކަށް ވެސް ނިއޫ މޯލްޑިވްސްގެ ވަތުތައްޓަކަށް އެމްޑީޕީ ވުމަކީ، ސިޔާސީ ގޮތުން ތަސައްރަފު ފުދޭ، ހެޔޮވިސްނުމެއް ނޫނެވެ. އިނގިރޭސިން މިފަދަ ލަފައެއް ވަކިބޭނުމެއްގައި އަރުވަފާނެއެވެ. އޭ! އަންނިއެވެ! އަންނި އަށް އިޚްލާސްތެރި ކަމާއެކު އަޅުގަނޑު، ދަންނަވަން ޖެހެނީ، އެމްޑީޕީގެ އާންމު މެންބަރުންގެ ހުކުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން، ރިޔާސީ ކެންޕޭނުގެ މަސައްކަތް ވީހާ އަވަހަށް ފެއްޓެވުމަށެވެ. ރަނިންމޭޓެއްގެ ކަންތަކާ އަދި އުޅޭކަށް ނުޖެހޭ ވާހަކައެވެ. އަދި މިކެންޕޭނުގައި އުޅުއްވާއިރު، އެމްޑީޕީގެ އާންމު މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވުން، މިހާރު ތިޔަކުރައްވާ ބޭކާރު މަސައްކަތަށް ވުރެ، ދިވެހިރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް މާހެޔޮ ބޮޑުވާނެ ކަމަށެވެ. އޭ! ﷲ އެވެ! އަޅަމެންނަށް ސިޔާސީގޮތުން ހެޔޮ ވިސްނުން ދެއްވާށި އެވެ! ހެޔޮބުއްދި ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page