top of page

ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (8 ވަނަ، އަދި ފަހުބައި)

Writer: ilyashusein
ilyashusein
Oct 3
47 min read

*ޖަލުގައި ގެންގުޅުނު އިރުވާހުދު ގެއްލުމުގެ ހިތާމައިގެ ވާހަކަ:

*އަޅުގަނޑު، އިނގިރޭސިވިލާތުގެ ޕެންއިންޓަރ ނޭޝަނަލުން، އެޖަމްއިއްޔާގެ ހޮނަރަރީ މެންބަރަކަށް ހެދުމުގެވާހަކަ:

*އަންނި މާލެއަށް ބަދަލުކުރި ވާހަކަ:

*ރޯދައަށް ދޮންވެލި ލުން:

*ޖަލުގައި، 790 ދުވަހަށް ފަހު ގޭގެބަންދަށް ބަދަލުކުރި ވާހަކަ:

*ގޭގައި ހަރުކޮށްފައި ހުރި އިއުލާނު ނެގުން:

*ރާއްޖޭގެ ސިފައިންގެ އެންމެމަތީވެރިޔާގެ ކޮމާންޑު ކޮޓަރިކޮޅަށް، އަޅުގަނޑު ހާޒިރުކުރި ވާހަކަ:

*މަޢާފުދެއްވާއި މިނިވަންކޮށް ދެއްވުން:

*މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

*ސަރުކާރުގެ ވަޒީފާއަށް ނުކުތުން:


ޖަލުގައި ގެންގުޅުނު އިރުވާހުދު ގެއްލުމުގެ ހިތާމައިގެ ވާހަކަ:


މިއަދު ހެދުނު ވަގުތެއްގައި އަޅުގަނޑު ބަލަންހުއްޓައި އަންނި އޮޅުކޮށްގެން ގެންގުޅުއްވާ، އިރުވާހުދު އުދުއްސައިގެން ބޭރަށް ދިޔަ ގޮތަށް އެނބުރި ނައެވެ. އިރުވާހުދު ރޭގައި ނިދީ އޭތި ނިދާތަނުގައި އިނދެގެންނެވެ. ފަތިހު އަޅުގަނޑަށް ފެނުނެވެ. އެސޮރުލީ ފުއްޕު ތަޅުންގަނޑުން ވެސް ސާފުކުރީމެވެ. އަޅުގަނޑާއެކު އިރުކޮޅަކު ފަތިހު އުޅުނެވެ. ދެން އެނބުރި ނައިސް ގިނައިރުވެގެން، އަޅުގަނޑުމެން އެންމެން ޖަލުއޮފީހަށް އަންގައިގެން ފެނޭތޯ ބެލީމެވެ. އެހެނަސް އިރުވާހުދުގެ ހިލަމެއް، ގިލަމެއް ނުވިއެވެ. މުޅިދުވަހު އާދޭތޯ ބެލީމެވެ. އެނބުރި އަންނަގޮތެއް ނުވިއެވެ.


ކޮންމެ ދުވަހަކު ހެދުނު، އިރުވާހުދުލާފައި ހުންނަސީތައް ދޮވެހަދަނީ އަޅުގަނޑެވެ. އަދި ހެދުނު ކާންދެނީ ވެސް އަޅުގަނޑެވެ. ފަތިސްނަމާދަށް ފަހު އަޅުގަނޑަކީ ނިދާ މީހެއް ނޫނެވެ. އެހެން ގައިދީން ހޭލާއިރަށް މިހުރިހާކަމެއް އަޅުގަނޑު ހުންނާނީކޮށް ނިންމާފައެވެ. މި އިރުވާހުދަކީ ގަސްއިންދާބައިގަޔާއި ބޭރުގައި އުޅުމަށް ފަހު އެނބުރި އަޅުގަނޑުމެން ތިބޭބަޔަށް ނިދަން އަންނަ ދޫންޏެކެވެ. ވަރަށްއޮޅު އެއްޗެކެވެ. ލަފާ ކުރެވެނީ ސިފައިންގެ މީހަކު ނުވަތަ އެހެން ފަރާތެއްގެ އަތްދަށުވީ ކަމަށެވެ.


މީހަކު އޭތި ހިފާ ފިޔަކޮށާލީ ކަމަށް ބެލެވެއެވެ. އެހެން ނޫންނަމަ އެހެން ދުވަސްތަކުގައި ބޭރުގައި އުޅެފައި އެނބުރި އަންނަހެން މިއަދުވެސް މިތަނަށް އައިހެވެ. އެސޮރުގެ ގެއަކީ މިތަނެވެ. ސިޔާސީފައްޅިއެވެ. މިކަމާ އެންމެ ހިތާމަކުރީ އަންނިއެވެ. އަޅުގަނޑުގެ ވެސް ވަރަށް ގާތް އެކުވެރިއެއް ގެންލުނީކަމުގެ އިހްސާސްތައް ކުރެވުނެވެ. ކޮންމެ ދުވަހެއްގެ ހެދުނު ހޭދަ ކުރާނީ އަޅުގަނޑާ އެކުގައެވެ. ދެފައިގައި އިށީދެހަދާ މެހިމަދިރި އެސޮރުގެ ތޫނު ތުބުން އަޅުގަނޑަށް ތަދުނުވާގޮތަށް ކާލާހަދައެވެ. އަޅުގަނޑުގެ އަތުން، އަޅުގަނޑު ކާބޮއިއުޅޭ ހުރިހާއެއްޗެއް ވެސް ކާނެއެވެ.


އާއިލާގާތަށް ނިއޫޒިލޭންޑަށް ފުރަން އެއާޕޯޓަށް ދިއުމުން ޕާސްޕޯޓުހިފާއްޓައި ފުރިޔަނުދިނުމުން އަމިއްލައަށް އަރުވާލެވިގެން، ބ.އަތޮޅު މާރިކިލު، ފަޅުރަށުގައި ހުރި ދެއަހަރުދުވަހު އޮޅުކޮށްގެން ގެންގުޅުނު އިރުވާހުދުގެ ފޮޓޯއެއް، ޖަލުގެ އިރުވާހުދުގެ ފޮޓޯއެ ނުނެގޭ
އާއިލާގާތަށް ނިއޫޒިލޭންޑަށް ފުރަން އެއާޕޯޓަށް ދިއުމުން ޕާސްޕޯޓުހިފާއްޓައި ފުރިޔަނުދިނުމުން އަމިއްލައަށް އަރުވާލެވިގެން، ބ.އަތޮޅު މާރިކިލު، ފަޅުރަށުގައި ހުރި ދެއަހަރުދުވަހު އޮޅުކޮށްގެން ގެންގުޅުނު އިރުވާހުދުގެ ފޮޓޯއެއް، ޖަލުގެ އިރުވާހުދުގެ ފޮޓޯއެ ނުނެގޭ

ހަމަ ގައިމުވެސް މިގެއްލުނީ އަޅުގަނޑު މެންގެ ވަރަށްގާތް އެކުވެރިއެކެވެ. ޚާއްސަކޮށް އަޅުގަނޑުގެ ހެދުނުގެ ބައިވެރިއާއެވެ. އެކުވެރިޔާއެވެ. މި އިރުވާހުދު ކޮށްދޭކަންތައް ކޮށްދެވޭނެ އެހެންފަރާތެއް ހަމަގައިމުވެސް އަޅުގަނޑަކަށް ނުހުންނާނެކަން ކަށަވަރެވެ. އޭތީގެ ފަރާތުން ލިބޭ ހިތްހަމަޖެހުމާއި އުފަލަކީ އެހެން ގޮތަކުން ހޯދޭނެ ކުލުނެއް ނޫނެވެ. ޖަލު އޮފީހުން ނަސީމު ބުނުއްވީ، މީތި ފެނޭތޯ ވަރަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އޭނާ ވެސް މިކަމާ ދެރަވާހެން އޭނާގެ ބަސްތަކުންނާއި އަމަލުން ހީވެއެވެ. ފެނިއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. ތޭރަވާ އެބަ އުޅެއެވެ. އެއީ އިރުވާހުދު ގޮތަށް އޮޅުވާ ދޫއްޏެއް ނޫނެވެ. ކާންނޫނީ ނާދެއެވެ.


9 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 748 ވަނަ ދުވަހެވެ. ޖަލުއޮފީހުގެ ނަސީމާ ގުޅައިގެން އިރުވާހުދު ފެނޭތޯ ވަރަށް މަސައްކަތް ކުރެވުނެވެ. އެހެނަސް މިއަދުވެސް އެއްވެސް ހިލަމެއްނުވިއެވެ. މިއަދު ވެގެންދިޔައީ ހިތާމަވެރި ދުވަހަކަށެވެ.


10 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 749 ވަނަ ދުވަހެވެ. މިއަދު މެންދުރެއް ހާއިރު ޖަލުއޮފީހުން ގެނެސްދިން ސިޓީއެއް ކަނޑާލުމުން ވަރަށް އުފާވެރި ޚަބަރެއް ލިބުނެވެ.


އަޅުގަނޑު، އިނގިރޭސިވިލާގެ ޕެންއިންޓަރ ނޭޝަނަލުން، އެޖަމްއިއްޔާގެ ހޮނަރަރީ މެންބަރަކަށް ހެދުމުގެވާހަކަ:


މިސިޓީއުރަ ތެރޭގައި އޮތީ އިގިރޭސިވިލާތުގެ ޕެން އިންޓަރނޭޝަނަލް ކަމުގައިވާ ދުނިޔޭގެ ލިޔުންތެރިންގެ ޖަމްއިއްޔާއިން އަޅުގަނޑަށް އެޑްރެސްކޮށް އިގިރޭސިވިލާތުގެ ސްޓޭމްޕްޖަހާފައި ފޮނުވާފައިވާ ސިޓީއުރައެކެވެ. މިއުރައިގެ ބޭރުގައި އިސްތަފާ ސޮއިކުރައްވައި ކަނޑާބަލާފައި ކަމަށް ލިޔުއްވާފައި އޮތެވެ. މިއުރަތެރޭގައި އޮތީ، އިންގްލިޝް ޕެން ސެންޓަރުން، އެމީހުންގެ ހޮނަރަރީ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހަމަޖައްސައި އެކަން ހަމަޖެއްސި ކަމުގެކާޑެވެ. މިއީ އައިޑިކާޑު ސައިޒުގެ މުށިކުލައިގެ ކާޑެކެވެ.


ފެންގެ ކާޑު އަދި ތަހްނިޔާލިޔުންކޮޅު
ފެންގެ ކާޑު އަދި ތަހްނިޔާލިޔުންކޮޅު

އެޖަމައިއްޔާގެ ޝަރަފްވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނިއްޖެކަން އަންގައިދޭ ރަސްމީލިޔުމެވެ. މިކާޑާ އެކު ތަންކޮޅެއްބޮޑު ސައިޒުގެ ތަހުނިޔާކާޑެއް ވެސް އެ އުރަތެރޭގައި އޮތެވެ. މިއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ. މިކާޑު މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކް އެކައުންޓުން ފެންނާނެގޮތް އަޅުގަނޑު ހަދާނަމެވެ. މިއަދަކީ، ވަރަށް އުފާވެރި ދުވަހެކެވެ.


ދުނިޔޭގެ ތަންކޮޅުތަކުން ބަޔަކުމީހުން އަޅުގަނޑުމެން ހަދާން ކުރަމުން ގެންދާތީއެވެ. ޖަލުގެ ކަޅުއަނދިރީގައި ތިއްބަސް ދުނިޔޭގެ ތަންކޮޅުތަކުގައި އަޅުގަނޑުމެން ހަދާންކުރަމުން ގެންދާތީ، ވަރަށް ހިތްހަމަޖެހި އުންމީދުތައް ތާޒާވެ އާލާވެގެން ދެއެވެ. މިއަދު ހަމަ މިގޮތަށް އަންނިއަށް ވެސް މިކާޑު ލިބުނެވެ. އަޅުގަނޑުމެން ދެމީހުންނަށް މިއަދަކީ އުފާވެރި ދުވަހެކެވެ. އަންނި އާއި އަޅުގަނޑާ ދެމީހުންނަކީ އެޖަމްއިއްޔާއިން ބަލައިގަނެފައިވާ ދެލިޔުންތެރިން ގޮތުގައި ހަމަޖެހުނީއެވެ.


އަދި މިއަދު ޕްރިސަންސުން ލިބުނު ސިޓީއެއްގައި ބޭންކުން ހިއްސާގަތުމަށް އެދި ފޮނުވި ސިޓީ ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވައިދިން ކަމަށް ޖަވާބު ދެއްވާފައި އޮތެވެ. މިވީ ގޮތުން ބޭންކުން ހިއްސާގަނެވޭނެ ކަމުގެ އުންމީދު ވެސް އާލާވެގެން ދިޔައެވެ. މިއީވެސް އިތުރު އުފަލެކެވެ. މިއަދު ނިމުއިރު ވެސް ގެއްލުނު އެކުވެރިޔާ، އިރުވާހުދުގެ އެއްވެސް ޚަބަރެއް ނުވެއެވެ.


ވަރަށްގިނައިން މީތި ފެނޭތޯ މަސައްކަތް ކުރެވިއްޖެއެވެ. އޮފީހުގައި ކޮންމެ ދުވަހަކު މިކަމާ ސުވާލު ކުރަމެވެ. އަދި ފެންނަކޮންމެ މީހެއްގެ ގާތުގައި އިރުވާހުދެއް ފެނުނުތޯ އަހާ ހަދަމެވެ. ކޮންމެ ދުވަހަކު ކާންގެންނަ މީހުންނާ ވެސް މިސުވާލު ކުރަމެވެ. ގެއްލުނު އެކުވެރިޔާގެ ޚަބަރެއް ވޭތޯއެވެ. ތަކުރާރުކޮށް އެދިއެދި ވެސް އިރުވާހުދު ހޯދަން ބޭރަށް ނެރޭކަށް ހުއްދައެއް ނުލިބެއެވެ. ޖެހެނީ އެމީހުން ބުނާ އެއްޗެއް ގަބޫލުކޮށް ގެން ތިބޭށޭވެ.


11 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 750 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. ޖަލުއޮފީހުން ލިބުނު ޚަބަރެއް ބުނާގޮތުން، މިރޭ އިސްތަފާ މާލެ ވަޑައިގަންނަވާނެއެވެ. މިފަހަރު ޑާކާ ބަންގްލަދޭޝްގައި އޮންނަ ސާކްސަމިޓް ދިމާވި ކުއްލި ސަބަބަކާ ހެދި ނުބޭއްވުމުގެ ސަބަބުންނެވެ. އެވަފުދު އެނބުރި މިރޭ މާލެ އަންނަނީއެވެ. ރާއްޖޭގެ ވަފުދުގައި އިސްތަފާ ވެސް މިފަހަރު ހިމެނި ވަޑައިގަތީއެވެ.


ޑާކާގައި މިސަމިޓްބޭއްވުމަށް ތާރީޚެއް ހަމަޖެހުނީވެސް، ދެފަހަރަކަށް އެތާރީޚު ބަދަލު ވުމަށް ފަހުގައެވެ. ހަމަޖެހުނީ މިމަހު، 13،12 ގައި ބާއްވާށެވެ. އެހެނަސް އަނެއްކާ ވެސް ލަސްވީއެވެ. ދިވެހިވަފުދާއި އެހެން ވަފުދުތަކަށް ވެސް ޖެހުނީ އެނބުރި އެބައެއްގެ ގައުމަށް ދާށެވެ. ހަމަޖެހުނީ ސާކްބައްދަލުވުން ބާއްވާނެ ތާރީޚެއް ފަހުން ހަމަޖައްސައި އަންގާގޮތަށެވެ.


12 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 751 ވަނަ ދުވަހެވެ. މިއަދު، 6 ނަންބަރު ކޮޓަރީގައި ހުރި މުފީދު (މުފިއްޓޭ) ބޭރުގައި މަސައްކަތު ނުކުމެ އުޅުމުގެ ތެރޭގައި އޭނަޔާއެކު މަސައްކަތުގައި އުޅުނު މީހެއްގައިގާ ތަޅައިގަނެ، އެމީހާގެބޯ ފަޅާލުމުން، ބަންދުގޮޅިތަކުން ގޮޅިއަކަށް އޭނާނެރެގެން ގެންގޮސް ވެއްދިއެވެ. އަދި މުފިއްޓޭގެ ހުރިހާ ސާމާނެއް ވެސް މިބައިން ނެރެގެން އޮފީހަށް ގެންދިޔައެވެ. މިހާރު މިބައިގައި ތިންޖާގަ ހުސްވީއެވެ.


13 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 752 ވަނަ ދުވަހެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިސްތަފާ އާއި އޮނަރަބްލް އުމަރު ޒާހިރާއި ގަސް އިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމާއި ސިފައިންގެ ތެރެއިން، އާދިލް ނައީމާއި ނާސިހު ކިޔާބޭފުޅަކު، މިބަޔަށް ވެންނެވިއެވެ. މިބޭފުޅުން މުޅިޖަލު އެއްކޮށް ބެއްލެވިކަމަށް ވެއެވެ. އެންމެ ފަހުން ވެންނެވީ މިބަޔަށެވެ. ގައިދީންގެ ހާލުއަހުވާލު އައްސަވާ ހެއްދެވިއެވެ. ވަކިޚާއްސަކަމެއް ނެތެވެ. މިބޭފުޅުން، އަސުރުނަމާދު ކުރެއްވީ އަޅުގަނޑުމެންނާ އެކު ޖަލުމިސްކިތުގައެވެ.


އިމާމަކަށް އިސްވެހުންނެވީ ގައިދީއެއް ކަމުގައިވާ، އަބްދު ﷲ ހުސައިނެވެ. އަޅުގަނޑުމެންގެ އިމާމަކީ، އަބްދު ﷲ ހުސައިން، މިބަޔަށް އައިފަހުން އަބްދު ﷲ އެވެ. އަބަދުވެސް ބަންގިގޮވާ މިސްކިތުގެ ހުރިހާކަމެއް ކުރަނީ އަބްދު ﷲ ހުސައިނެވެ. ނަމާދަށް ފަހު، އިސްތަފާ އަޅުގަނޑު ގާތަށްވަޑައިގެން ވިދާޅުވީ، ބޭންކުން ހިއްސާގަތުމަށް ބޭނުންވާ ފޯމްތައް ޕްރިސަންސަށް ލިބިފައި އެބަހުރި ކަމަށެވެ. ވަރަށް އަވަހަށް އިލްޔާސަށް ފޮނުވައި ދޭނެކަމަށް އިސްތަފާ ވިދާޅުވިއެވެ. އެއަށް ފަހު މިބޭފުޅުން ފުރުއްވުމަށް، ސަލާމް ކުރުމަށް ފަހު ވަޑައިގެންނެވީއެވެ. ގާތް ގުޅުމެއް ބާއްވައެވެ.


14 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 753 ވަނަ ދުވަހެވެ. މިއަދު މާކަރީ އިއްބެ އާއި ނާސިރު އާ ދެމީހުންނާ ބައްދަލުކުރުމަށް އެ ދެގެއިން މީހުންއައެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ.


15 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 754 ވަނަ ދުވަހެވެ. މިބައިގައި ތިބޭ ގައިދީންނާއި މިބައިން ބޭރުގައި ހުންނަ ގޮޅިތަކުގައި ތިބޭ ގައިދީންގެ ތެރެއިން ކުޅުމަށް ހުއްދަ އޮންނަ މީހުންނާއެކު މިއަދުވޮލީ މެޗެއް ކުޅުން ބޭއްވީމެވެ. ދެސެޓް އެއްސެޓުން މޮޅުވީ އަޅުގަނޑުމެން ސިޔާސީފައްޅި ޓީމެވެ. މި މެޗްތެރޭގައި އަންނިގެ ކަކުލަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ.


16 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 755 ވަނަ ދުވަހެވެ. މިއަދު އަންނިގެއިން އަންނިއަށް ވަރަށްގިނަ ސާމާނު ލިބުނެވެ. ބައްދަލުކުރާކަށް މީހަކު ނާދެއެވެ. އެކުވެރިކަމުގެ ކުޑަޕާޓީއެއް މިރޭ، އަންނި އިސްކޮށް ހުރެގެން ބޭއްވުނެވެ. ކާނެ ސާމާނު ހުރުމުން މަޖާކޮށްލުމުގެ ގޮތުން ކޮށްލިކަމެކެވެ.


17 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 756 ވަނަ ދުވަހެވެ. މިއަދު މިއުޅެން ޖެހެނީ ކޮލުން ދަތަކަށް ވަރަށްތަދު ވާތީއެވެ. އަންނިވެސް އުޅެނީކަކުލަށް ތަދުވާތީއެވެ. މިއަދު ހޮސްޕިޓަލަށް އެކްސްރޭއެއް ނެގުމަށް އަންނި ގެންދިޔައެވެ. އަދި ވާއްޕެވެސް ހޮސްޕިޓަލަށް އަންނި އާ އެކު ގެންދިޔައެވެ. އަޅުގަނޑަށް ދެވޭގޮތެއް ނުވިއެވެ. ހުއްދަ ނުލިބުނީއެވެ. ރޭގަނޑު ވީފަހުން އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސްއިން ހިއްސާގަތުމަށް ހުށަހަޅާފޯމްސެޓު ލިބުނެވެ. އަދި ގެއިންފޮނުވި ހަވީރުގެ ނޫސްބޮނޑިއެއް ވެސް ލިބުނެވެ.


18 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައު ހުންނަތާ، 757 ވަނަ ދުވަހެވެ. ބޭންކުގެ ހިއްސާގަންނަން ފުރަންޖެހޭ ފޯމްފުރުމަށް ފަހު، މިއަދު ސިޓީއަކާއެކު ބޭންކަށް ފޮނުވައި ދިނުން އެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. އަޅުގަނޑު ފުރި ފޯމުގެ ނަންބަރަކީ، 001344 އެވެ. 10 ހިއްސާ ގަތުމަށް، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކޮށް ގަނާގޮތަށެވެ.


މިއަދު އަންނި އޭނައާ ތިމާގެ ބޭފުޅެއް ކަމުގައިވާ، ޖީދު އާ ބައްދަލުކުރިއެވެ. އަދި ވިސާމާއި ނާސިރު ކޯޓަށް ގެންދިޔައެވެ. އަދިވެސް ގެއްލުނު އިރުވާހުދުގެ އެއްވެސް ޚަބަރެއް ނުވެއެވެ. މީހެއްގެ އަތްދަށުވެ، ނިމުނީކަމަށް އަޅުގަނޑުމެން މިއަދު ނިންމައިފީމެވެ. އަދި އިތުރަށް ހޯދަން ކުރާ މަސައްކަތް ހުއްޓާލީއެވެ. ރާކުރިރުކުން މިހާރު ކުރުބާބޯން ލިބެއެވެ. ރާފޮދެއް ނުލިބުނުތާ ކުރުނބާލިބޭތީ ވަރަށް ރަނގަޅެވެ. ހަރުބަނދެފައި ހުރީމާ ބޭނުންއިރެއްގައި އަރައި ކުރުނބާ އަޅައިގެން ބޭނުންކުރެވެއެވެ.


މިއުޅެވެނީ ވަރަށްމަޖާ ދިރިއުޅުމެއް ގައެވެ. ބޭނުންވީމާ މަހާއިކާށި ކާންވީއެވެ. ބޭނުންވީމާ ކުރުނބާ ބޯންވީއެވެ. ފިނިފެން އަންނި ކޮޓަރިން ބޯލަން ލިބެއެވެ. ހޫނުފެން ހަންދު ކޮޓަރިން ބޭނުން އިރަކު ލިބެއެވެ. ކޮފީ އަދި ސައި ބޭނުން އިރަކު ބޯންވީއެވެ. ގަސްތަކުން ފަޅޯ ލިބެންފެށުމުން ބޭނުން އިރަކު ފަޅޯވެސް ކާން ލިބޭނެއެވެ. ބޭނުން އިރަކު ވައިތެރޭގައި ގަސްތަކުތެރޭގައި ފޮތްކިޔަން އިންނަން ވީއެވެ.


އަޅާލާނެ އަދި އެއްޗެއް ބުނާނެ މީހަކު ނުހުރެއެވެ. ލިޔާނެއެއްޗެއް ލިޔަން ބޭނުންތާކު އިނދެވެއެވެ. އަޅާލާނެ މީހަކު ނުހުރެއެވެ. މިއީ ދިރިއުޅުމުގެ މުޅިން އާވަށްތަރެއްގެ ވެއްޓެކެވެ. މިހާރު މިތިބީ މިވެއްޓަށް ހޭނިފައެވެ. ވަރަށް ގިނައިން ދުވަހުގެ ޑައިރީއަށް ފަހު ކުރެވޭ އެކި ޚިޔާލުތައް ލިޔެހަދަމެވެ. ކިޔާ ފޮތްތަކުން ލިބޭ، ފަހުން ބޭނުން ހިފިދާނެ ފަދަ މުހިންމު ވާހަކަތައް ނޯޓު ކުރަމެވެ.


19 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 758 ވަނަ ދުވަހެވެ. އަޅުގަނޑުގެ ދަތުގައި ރިއްސާތީ މިއަދު މާލެއަށް ގެންދިޔައެވެ. ޑެންޓަލް ކްލިނިކަށެވެ. މިތަން ހުންނަނީ ހެންވޭރު ބޯޅަދަނޑު ކުރިމަތިން މަޖީދީމަގުގެ އަނެއް ފަރާތުގައެވެ. މިތަނަށް ބޮޑުގެއޭ ވެސް ބައެއްމީހުން ކިޔާއުޅެއެވެ. އެ ކްލިނިކްގައި ޑެންޓިސްޓަކަށް ދަތްތައް ބައްލަވަން ހުންނެވީ، ހުދުއަސުރުމާގޭގައި އުޅުއްވާ ދަތާބެހޭ ޑޮކްޓަރެކެވެ. ނަމަކީ، ސަލީމެވެ. ސަލީމު ބުނުއްވީ ރިއްސާ ދަތް އިނީ ވަރަށްގޯސް ވެފައި ކަމަށެވެ. ޖެހޭނީ ވަގުތުން އުފުރާލާށެވެ.

އެނޫންގޮތެއް ނެތްކަމަށެވެ.


ކިރުބޮއިދަތްތައްގޮސް ދަތްފެޅިފަހުން އުފުރާލި އެންމެފުރަތަމަ ދަތް
ކިރުބޮއިދަތްތައްގޮސް ދަތްފެޅިފަހުން އުފުރާލި އެންމެފުރަތަމަ ދަތް

މިއީ އެންމެ ފަސޭހަ ގޮތްކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެނަސް އަޅުގަނޑު ބުނާނެ އިތުރު އެއްޗެއްނެތެވެ. މަރާމާތު ކުރުމުގެ ފުރުސަތެއް ނުދެއްވިއެވެ. ބޭނުންވީ ހަމައެކަނި އުފުރާލަދޭށެވެ. ޖަވާބުގައި އުފުރާލިޔަސް އެންމެރަނގަޅޭ ދެންނެވުމުން ވަރަށް އަވަހަށް ހިރުގަނޑަށް އިންޖެކްސަނެއް ޖަހާއި އެހިސާބު އައްސިކޮށް ލެއްވުމަށް ފަހު، ނަރުކެނޑިއަކުން ހިފާއި އެދަތް އުފުރާލައްވައިފިއެވެ. އުފުރާލިދަތް ބޭނުންވާހަކަ ދެންނެވުމުން ސަލީމް ވިދާޅުވީ އެއީ އިލްޔާސްގެ އެއްޗެކެވެ. ދޭނަމެވެ. އެދަތް އަދިވެސް އަޅުގަނޑު ރައްކާކޮށްފައި އޮންނާނެއެވެ. މަތީ ފޮޓޯއިން އެފެންނަނީ އެދަތެވެ.


އެއީ މަތީދަތްޕިލާގެ ވާއަތްފަރާތުގެ އެންމެއެތެރެއިން ދެވަނައަށް އިންނަ ކޮލުދަތެވެ. ދަތްޕިލާގެޗާޓުން އެއީ، 27 ވަނަ ނަންބަރު ދީފައިވާ ދަތެވެ. ދެން އެ ކްލިނިކަށް ޒިޔާރަތްކުރުމަށް އަޅުގަނޑަށް އެންގީ، 25 ވާހޯމަ ދުވަހު އައުމަށެވެ. މިހާރު އެތަން އިނީ ހުސްކޮށެވެ. ބާގަނޑެއް ހެދިފައެވެ. ވަކިން ދުރުގައި އެއްދަތް އެކަނިމާއެކަނި އެބައިނެވެ.


20 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 759 ވަނަ ދުވަހެވެ. މިއަދު މަންމަ އާއި ތުއްތަ އަޅުގަނޑުމެންނާ ބައްދަލުވާން ޖަލަށް އައެވެ. ގެއިން ވަރަށްގިނަ ސާމާނު ވެސް ގެނެސްދިނެވެ. މިއެއްޗެތި ލިބުނީ ޖަލުއޮފީސް މެދުވެރިކޮށެވެ. ހުރީއެމީހުން އައުމުގެ ކުރިން ޕްރިސަންސް މެދުވެރިކޮށް ފޮނުވާފައެވެ. ޖުމްލަގޮތެއްގައި ގޭގެ ހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެ ހާލުވެސް ރަނގަޅެވެ. މިއަދު އަންނި އާއި ޒާހިރު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އިސްތަފާ ގާމާދޫއަށް ޒިޔާރަތް ކުރެއްވި ޚަބަރުލިބުނެވެ. އެހެނަސް މިބަޔަށް ޚަބަރެއް ނުވެއެވެ.


21 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 760 ވަނަ ދުވަހެވެ. އީރާނުން އަޅުގަނޑަށް ފޮނުވައިދޭ މަޖައްލާއެއް ކަމަށްވާ، “މަހްޖޫބާ” ގެ ހަތަރު އަދަދު ގެއިން ފޮނުވާފައި އޮތެވެ. އަދި މިއަދު، ހަންދުއަށް އިފުގެ ސިޓީއެއް ލިބުނެވެ. ކޮޅުބުން ފޮނުވާފައި އޮތް ސިޓީއެކެވެ. ޒާހިރު މިއަދު ހޮސްޕިޓަލަށް މާލެއަށް ގެންގޮސް އަދި ގެނައެވެ.


22 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 761 ވަނަ ދުވަހެވެ. ގަސްތައް ފޯދިއްޖެއެވެ. ޅަމިރުހާއި ޅަބައްޓާއި ޅަފަޅޯތައް ބައިވަރު އަޅާފައި އެބަހުއްޓެވެ. ގިނައިން ފެންދީހަދަނީ އަޅުގަނޑެވެ. ގަސްތައް ބަލަހައްޓާ މީހަކީ އަޅުގަނޑެވެ. ޅަފަޅޯ ވަރަށް މީރުވެއްޖެއެވެ. މ ހުންނަނީ ވަރަށް ކާހިތުންނެވެ.


23 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 762 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރައެވެ.


24 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 763 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ޝަހީދުންގެ ދުވަހެވެ. މިއަދު ހެނދުނު އޮފީހުން ނަސީމު، މުހަންމަދު (މި މިހައްމަދަކީ އޮފީހުގައި އުޅޭކުއްޖެއް) އަތަށްދީފައި ރަތަފައެއް އަޅުގަނޑަށް ފޮނުވިއެވެ. އިރުވާހުދު ގެއްލުނީމާ ނަސީމު ވެސް ހުންނަވަނީ ދެރަވެފައެވެ. މިއީ އެހެންވެ އަޅުގަނޑު މެންގެ ހިތާމާގައި ބައިވެރުވުމަށް ފޮނުއްވި ދޫންޏެކެވެ. ރަތަފަ މިފޮނުވީ، މިތާ ތެރޭގައި އޮޅުކޮށްގެން ގެންގުޅޭށެވެ. އަނެއްކާވެސް ބަލަހައްޓާނެ ފުރާނައެއް އިތުރުވީއެވެ. މިހާރުވެސް ދޫންޏެއް އެބައިނެވެ. އަނެއްކާ ދޭއްޗަށް ވީއެވެ. މިދޭތި ތިބެނީ ފިޔަކޮށާފައެވެ.


25 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 764 ވަނަ ދުވަހެވެ. މިއަދު ހެނދުނު ޖެފާއި ފިދާ އާއި ވިދާދަށް ފޮނުވުމަށް ތަހުނިޔާ ކާޑެއް ތައްޔާރުކޮށް ޒީނަތްތެރިކޮށް ކުރަހާ ހެދީމެވެ. މިފަދަ ކަންތައް ކުރަނީ ފަތިސްނަމާދަށް ފަހު، ނުނިދާ ހޭލާއިންނަ އިނުމުގައެވެ. މިއީ ވަރަށް ހަމަހިމޭން ވަގުތެކެވެ. މިގަޑީގައި ވަރަށް އިރުވާހުދު މަތިން ބޮޑުކޮށް ހަދާންވެއެވެ. މިގަޑީގައި އަބަދުވެސް އިރުވާހުދު އިންނާނީ އަޅުގަނޑު ކައިރީގައި ކަމަށް ވާތީއެވެ.


ކާންދިނީމާ ކައިނިމިގެން ނުގޮސް އިންނާނީ، އަޅުގަނޑުގައިގާ ޖައްސާމެހި މަދިރިކާށެވެ. އަދި މަންމައަށް މިއަދު ސިޓީއެއް ލިޔުނީމެވެ. ފަތިސްނަމާދަށް ފަހު، ގުރުއާން ކިޔަވާނިމިގެން ކޮންމެ ދުވަހަކު ވެސް ހެދުނުސަޔާ ޖެހެންދެން އަޅުގަނޑު ކުރާ މަސައްކަތަކީ، ލިޔެކިޔުމުގެ ކަންތަކެވެ. ޑައިރީ ގަވައިދުން ލިޔަމެވެ. އަދި މުތާލިއާކުރަމުން ގެންދާފޮތްތަކުން ފާހަގަކުރެވޭ މުހިންމު ތަންތަންކޮޅު ނޯޓުކުރާ ފޮތެއް ގެންގުޅެމެވެ. މިފޮތުގެ ނަމަކަށް ދީފައި ވަނީ، “ކަނޑުފަޅުން ފީނުމަށް ފަހު” މިހެންނެވެ.


ކަނޑުފަޅުންފީނުމަށްފަހު "ޖަލުނޯޓުފޮތް"
ކަނޑުފަޅުންފީނުމަށްފަހު "ޖަލުނޯޓުފޮތް"


ޖަލުނޯޓުފޮތުން ސޮފްހާއެއް
ޖަލުނޯޓުފޮތުން ސޮފްހާއެއް


އިތުރުސޮފްހާއެއް
އިތުރުސޮފްހާއެއް

މިހާރުވެސް މުހިންމު ނޯޓުތައް ލިޔެފައިވާ މިފޮތް އެބައޮތެވެ. މިއީ ފުލްސްކޭޕް ސައިޒުގެ، 300 ސަފްހާގެ މޮނިޓަރ ފޮތެކެވެ. އަޅުގަނޑު މި މަސައްކަތް ކުރަނީ ކާގޭގައި ހުންނަ ބޮޑު މޭޒުގައި އެކަނި އިނދެގެންނެވެ. މިތަނާއި މިވަގުތަކީ މިކަމަށް ވަރަށް އެކަށޭނެ މާހައުލެކެވެ. އަޑެއްބަޑެއް ނުހުރެއެވެ. އެގަޑީގައި އެކަކުވެސް ނޫޅެއެވެ. ފަތިސް ނަމާދަށް ފަހު ގުރުއާން ކިޔަވާ ނިމުމުން ޔޯގާގެ ބައެއް ކަސްރަތުތައް ހަދާލުމަށް ފަހު، އޮންނަނީ މި މަސައްކަތް ކުރުމެވެ.


ހެނދުނުސަޔަށް ކާއެއްޗެހި ގެނައުމުން އެދުވަހެއްގެ ޑިއުޓީގައި ކާންހެދުމަށް އޮންނަބަޔަކަށް އަބަދުވެސް ގޮވާ ހަދަނީ އަޅުގަނޑެވެ. އަޅުގަނޑުގެ ހުރިހާކަމެއް ނިމުނީމާ އެދުވަހެއްގެ ކާންހެދުމުގެ ޑިއުޓީއަށް ގޮވީމާ އެބަޔަކު ދަތްއުނގުޅާ ތައްޔާރުވެގެން އާދެވޭއިރު ގިނަ ދުވަސްދުވަހު ހެދުނު، 8 ނުވަތަ، 9 ޖަހާފާނެއެވެ. ގިނަ ދުވަސްދުވަހު މިބައި ކުނިކަހާއި ސާފުކޮށް ހަދާނީވެސް އަޅުގަނޑެވެ. މިހާރު އިރުވާހުދު ނެތުމުން ތަޅުންގަނޑު ދޮންނާކަށް ނުޖެހެއެވެ.


ދޮންދައްތަމެންނަށް ހެދިކާޑުތައް ފޮނުވާލީ މަންމަ އަތަށެވެ. އެމީހުންނަށް ޓެންޒަނިޔާއަށް ގެއިން ޕޯސްޓްކޮށް ދޭގޮތަށެވެ. ގެއަށް ރައްދުކޮށް ދިނުމަށް މި ކާޑުތައް ޖަލުއޮފީހާ ހަވާލުކުރާނީ، 1 ފެބްރުއަރީގައެވެ. މިއީ ވަކިކަމެއް ވެގެނެއްނޫނެވެ. ހިތަށްެއެރިގޮތެވެ. މިއަދު އަންނި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުއޮފީހުގެ ނަސީމު ކަނބިއްޔެއް ހިފައިގެން މިބަޔަށް ދުރުވެ އަޅުގަނޑައި އޭތި ހަވާލުކޮށް މިތާނގައި ގެންގުޅޭށޭ ކިޔާފައި އެނބުރި ދުރުވެއްޖެއެވެ. މިކަނބިލީގެ އެއްފައި ކޮރެވެ. ތިންދޫނީ ބަލަހައްޓަނީ އަހުރެންނެވެ. އެއީ ތޭރަވާ އަކާއި ރަތަފަ އަކާއި މިކަބިއްޔެވެ.


އޭތި އިނީ ކަކުލުހުޅުން ދުޅަވެސް ވެފައެވެ. މީއްޗަށް ފަރުވާދީގެން އަޅުގަނޑު ރަނގަޅުކުރީމެވެ. ފައިގާ އެކިކަހަލަ ތިޔޮފޮތި ބަނދެގެންނެވެ. ފުރަތަމަ ބަނީ ސާފުތެޔޮ ފޮތިގަނޑެކެވެ. ޖަލުއޮފީހުގައި އެދިގެން މިކަމަށް ސާފުތިޔޮކޮޅެއް ހޯދީއެވެ. ދެން ފަހުން އެހެންކަހަލަ ތިޔޮވެސް ބޭނުންކުރީމެވެ. ކޮންމެ އަކަސް މާގިނަދުވަހެއްނުވެ ކަނބިލީގެފައި މުޅިން ރަނގަޅު ވެއްޖެއެވެ. އެއީވަރަށް ވަގު ގޮލައެކެވެ. ފުރަތަމަ ކާންދޭން ޖެހުނީ ގަދަކަމުންނެވެ. އަނގައަށް އަޅައިގެންނެވެ.


މީހުންގެ ކުރިމަތީގައި ކާންފެށީވެސް ދުވަސްތަކެއް ފަހުންނެވެ. ފަހުން އައިސް އަޅުގަނޑުމެން ކުރިމަތީގައި ނުކުމެއުޅެއެވެ. ކައިބޮއި ހަދާއުޅެއެވެ. ސިއްސައިގެންނެއް ނުދެއެވެ. އަޅުގަނޑު އަތުން ކާންދީ ހަދަމެވެ. ކުރިން މީހަކު ފެންނައިރަށް މީތި ސިއްސައި ގެންދާނެ ނެވެ. ފަހުން އައިސް އޮޅުވީއެވެ.


26 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 765 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް، އަދި އަބްދު ﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ޑެންޓަލުން އަޅުގަނޑަށް ދިން ފަރުވާއަކީ، ތިރީދަތްޕިލައިގެ ވާއަތްފަރާތުގެ އުފުރާލި ދަތްކައިރީގައި އިން ކޮލުދަތަށް ރިހިކުލައިގެ މެޓެލް ފިލްކުރީއެވެ. އަދި ކަނާއަތްފަރާތުގެ މަތީދަތްޕިލާގައި އެތެރެއިން ދެވަނަ ކޮލުދަތުގައި އިންބޮޑު ލޯވަޅަކަށް ފުޓުނިގަނޑެއް އަޅައިދިނެވެ. ރަނގަޅުބިލެއް ހެދޭ ވަރު ކުރެއްވިއެވެ.


ދެންދުވަހަކުން އެތަނަށް ރިހިމެޓަލް އަޅައިދޭނެ ވާހަކަ ޑެންޓިސްޓު ސަލީމް ބުނެދެއްވިއެވެ. ދެންއަންނަން ޖެހޭ ދުވަހެއްކަމަށް ހަމަޖެއްސީ ފެބްރުއަރީ އެއްވަނަ ދުވަހެވެ. މިކަންތައް ބަލަހައްޓަނީ އަޅުގަނޑު ގެންގޮސް ގެނެސް ހަދާ ސިފައިންނެވެ. ހުސްވި ބާގަނޑަށް ދަތެއް ޖަހައިދޭކަށް އެއްބަހެއް ނުވިއެވެ. ހީވަނީ އެކަން ކުރަން ނުދަންނަނީހެންނެވެ.


27 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 766 ވަނަ ދުވަހެވެ. ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު އަހްމަދަށް ދައްކާށެވެ. އެކްސްރޭއެއް ނެގުމަށް ލިޔެދީފައިވާ ވާހަކަ ބުންޏެވެ. މިއަދު ގަސް އިބްރާހީމް މަނިކު މިތަނަށް ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. ނާސިރާއި އާދިލް ބޭރަށް ނެރެގެން އުޅެނިކޮށް އެދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ބަޔާން މިއަދު ދެމީހުންގެ އަތުންވެސް ނެގިއެވެ. މިކަންކުރީ ޖަލުއޮފީހުންނެވެ.


ނާސިރާއި ސައްޕެއާ އަޅުވާ "ފިރިހެންކުޅިއޭ" އާދިލް ބުނެގެން ހިނގި ޒުވާބެއްގެ ކަންތައް ނާސިރު ރިޕޯޓް ކުރީއެވެ. އެހެނަސް ޖަލުއޮފީހުން އަދި ޕްރިސަންސުން މިއީ މާބޮޑު ކަމަކަށް ނުހަދައެވެ. އެއްވެސް ކަމެއްނުކޮށް އެކަން އޮއްބާލީއެވެ. ފިރިހެނުންތަކެއް އެއްކޮށްއުޅޭ ތަނެއްގައި މިކަހަލަ ޒުވާބެއް ހިނގާފާނެއެވެ. އެއީ އަނެއްހެން ބަލާ އިރު ވެސް މައްސަލައެއް ނޫނެވެ.


28 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 767 ވަނަ ދުވަހެވެ. އަންނި ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. ރޭގަނޑު ވަގުތެއްގައި އޮފީހުން ނަސީމް ބުނުއްވައިގެން މީހަކު އައިސް އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. ނަސީމު ބުނުއްވީ ރޯދަމަސް ކައިރިވެފައި ވުމުން، މިހާރުން މިހާރަށް ބޭނުންވާ ހުރިހާއެއްޗެއްގެ ލިސްޓެއް ތައްޔާރުކޮށްފައި ދޭށެވެ.


ހޮނިހިރު ދުވަހު ޕްރިސަންސް ޑިވިޒަނަށް ފޮނުވާލެވޭވަރު ކުރުމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އަންނިއާ މަޝްވަރާކޮށްލާފައި ލިސްޓެއް ލިޔެ އޮފީހަށް ފޮނުވައިދޭނަމޭ ބުނީމެވެ. ފަހަކަށް އައިސް ނަސީމު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅެވެ. ހެޔޮފުޅެވެ. ޚާއްސަކޮށް އަޅުގަނޑުގެ ވަރަށްގާތް ރަހްމަތްތެރި އަކަށް ބަދަލު ވެއްޖެއެވެ.


29 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 768 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަވައިދުން ކުޅޭށާއި މޫދަށް ނެރެއެވެ.


30 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 769 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 7 ޝަޢުބާން 1413 ވަނަ ދުވަހެވެ. ރަމަޟާންމަސް އައިސްޖެހެނީއެވެ. ޝަޢުބާނަށްފަހު، ދެންއޮންނާނީ ރަމަޟާންމަހެވެ. މިއަދު ޕްރިސަންސަށް، 3 ސަފްހާގެ ސިޓީއެއް ލިޔުނީމެވެ. ވަރަށްގިނަ ކަންތަކަށް އެދިފައެވެ. މިކަންކުރީ ޖަލުއޮފީހުން ނަސީމު އެދިލެއްވުމާ ގުޅިގެންނެވެ. މި ސިޓީގައި މިކަން ފާހަގަކޮށް މިކަންކަމަށް މިއެދުނީ ޖަލުއޮފީހުން، އިޝާރާތެއްވުމުން ކަމަށް ލިޔެފައިވާނެއެވެ. ރޯދަމަސް އައިސްޖެހޭތީ މިކަންތައްތަކަކީ، ފުރިހަމަވާން ޖެހޭބައެއް ކަންތައްތައް ކަމަށް ލިޔެފައި ވާނެއެވެ.


31 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 770 ވަނަ ދުވަހެވެ. މިއަދު މާލެ ގެންދިޔައީ އަޒީ އާއި ވަލީދާއި ހަންދުއެވެ. ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށެވެ. މިއަދު ގަސް އިބްރާހީމް ގާމާދޫއަށް ދުރުވިއެވެ.


އަންނި މާލެއަށް ބަދަލުކުރި ވާހަކަ:


ގަހޭ ފުރުއްވަމުން، އަންނިގެ ހުރިހާ އެއްޗަކާއެކު މިބައިން ނެރެގެން އެ ލޯންޗުގައި އަންނި މާލެއަށް، ގަހޭ އައި އެކު ގެންދެވިއެވެ. މިއަދުން ފެށިގެން އަންނި މާލެއަށް، ގޭބަންދަށް ބަދަލު ކުރެއްވީއެވެ. މިއަދު ގަހޭ މިދުރުވީ، އަންނި ބަލާކަމަށް ލަފާކުރެވެއެވެ. ހައިކޯޓުގެ ކަންތަކާއި ބައިނަލްއަގްވާމީ ޕްރެޝަރު އޮތްލެއް ބޮޑުކަމުން ގެއަށް ބަދަ ކުރަނީކަމަށް ލަފާކުރެވެއެވެ. އަނެއްހެންވެސް ބަންދުކުރިތާ ދެއަހަރު ފުރި ތިންވަނަ އަހަރު މިވަނީ ފެށިފައެވެ. އިއްވި ހުކުމްތަކުގެ ދެބައި ވެސް ވަނީއެވެ.


ރައީސް މައުމޫނުގެ ހިތްޕުޅަށް މިނިވަން ކުރަން ފެނިވަޑައި ގަތީކަމަށް ވެސް ވެދާނެއެވެ. އަންނި ދިޔައީ އަންނި ގެންގުޅުނު ގިނަސާމާނުތައް އަޅުގަނޑަށް ހަދިޔާއަށް ދީފައެވެ. އަންނި ގެންގުޅުނު ފަތްޖަހާ ސަރަންފީ ދެއްވީ، ސީދާ އަޅުގަނޑަށް ޚާއްސަކޮށްފައެވެ. ކަސްރަތުކުރާ ބައިސްކަލް ބެހެއްޓީ އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް އަޅުގަނޑުގެ ބެލުމުގެދަށުގައި ކޮޓަރިތަކުގެ ފެންޑާގައެވެ. މިބައިކު ހިބައިން ދިނީ ހަންދުއަށެވެ. މިއަދު ވައްކަމެއްގެ މައްސަލައެއްގައި ބެދިގެން، ދެ އަންހެންކުދިން ގާމާދޫއަށް ގެނައެވެ. މިވެރިން ބަންދު ކުރީ ބޭރުގައި ހުންނަ، 18 ނަންބަރު ގޮޅީގައިކަމަށް ޚަބަރުލިބެއެވެ.


1 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 771 ވަނަ ދުވަހެވެ. ގެއަށް މަންމައަށް ސިޓީއަކާއި އެ ސިޓީއާއެކު ދޮންދައްތަމެންނަށް ޓެންޒާނިޔާއަށް ފޮނުވުމަށް ތައްޔާރު ކުރި ކާޑުތައް އެމީހުންނަށް ޕޯސްޓްކޮށް ދިނުންް އެދި ގެއަށް ފޮނުވާލީމެވެ. މިހާރު މިބައިގާ، 4 ޖާގަ ހުސްކޮށް އެބަހުއްޓެވެ. މިއަދު އަޒީ އާއި ވަލީދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.


2 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 772 ވަނަ ދުވަހެވެ. މިއަދުވެސް އަޒީ އާއި ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ރައްޔިތުންގެ މަޖިލިސް ކުރިޔަށް އޮތް އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު މި މަހު، 24 ވަނަ ދުވަހު، މަޖިލިސްކުރާގޭގައި އޮންނާނެކަމާއި އެދުވަހަކީ ރަސްމީބަންދު ދުވަހެއްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނު ކުރެއްވިއެވެ. މިޚަބަރު ރޭޑިޔޯއިން އަޑުއެހީމެވެ.


އަދި މިއަދު މާލޭން އައިސް ވަލީދު ދެއްވި ޚަބަރަކީ، ދޯޅަނބުސަލިމް ދޫކޮށްލިޚަބަރެވެ. އަދި ރ.އަތޮޅު މެންބަރު އަލީވަހީދު ބަންދުކުރި ޚަބަރު ވެސް ވަލީދު ދިނެވެ. އަދި ކުވާމޮހެދޭ އާއި ބައްޓޭ އާއި ސައުތްހޮޓާ ތައުފީގާއި ބިންބި ތައުފީގު ވެސް މި މީހުންގެ ތެރޭގައި ހިމެނެއެވެ. މި މީސްމީހުންނަކީ އެންދެރިމާގޭ އިލްޔާސް އަށް ހަމްދަރުދީވާ މީހުންކަން ނަންތަކުން އެނގުނެވެ. ބިންބިފޯހުގައި އުޅުނު ބައެއް މީހުންވެސް މީގެތެރޭގައި އެބަވެއެވެ. އަޅުގަނޑު ދެއްކި ވާހަކަތައް ރައީސްމައުމޫނަށް މިއޮއް ލަސްތަކެއް ނުވެ ފެނިވަޑައިގަންނަވަން ފެށީއެވެ.


ފަހަރުގައި މިމީހުން މިބަންދުކުރީ އިލްޔާސް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ޖަމާއަތެއްގެ ތުހުމަތުގައި ކަމަށް ވެދާނެއެވެ. ރައީސް މައުމޫނަށް ބަޔަކު ހުތްލައި ދީފައިވަނީ އަޅުގަނޑުމެންގެ އިސްލާހީހަރަކާތަކީ ވެރިކަން ބަދަލުކޮށްލަން ވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. މިއަޑު ލައިދީފައި ވަނީ އިލްޔާސް ފަޅިންނެވެ. އަދި ސިފައިންގެ ޖާސޫސީމައުލޫމާތުންނެވެ.


ބިންބިފޯހަކީ މިކަން ކުރާ ބޮޑީއެވެ. އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތަކީ ވަކިޚާއްސަ މީހަކު ވެރިކަމަށް ގެންނަން ވެގެން ހިންގާކަމެއް ކަމަށެވެ. އަޅުގަނޑުމެންގެ ހިތުގައި މި ރޭވުމަށް ވުރެ ބޮޑަށް ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނެސްދިނުމުގެ ފިކުރު މާ ބޮޑެވެ. ވެރިކަމުގެ ވިސްނުމެއް ނެތެވެ. ވެރިކަމާ އެ އުޅުއްވަނީ އެންދެރިމާގޭ އިލްޔާސެވެ. އަދި އޭނާގެ ޓީމާއި ބިންބިފޯސް އެވެ. ރައީސް މައުމޫނަށް ދެސިޓިއެއް ވެސް އަހުރެން މިކަމާ ގުޅިގެން ލިޔުނީމެވެ.


އަޅުގަނޑުމެންގެ ވިސްނުން އޮންނަނީ ފްރީއެންފެއަރ އިލެކްޝަނަކަށް މަގުފަހިކުރުން މާ އިސްކޮށެވެ. އޭރުވެސް އަޅުގަނޑުމެންނާ އަމާޒުކޮށް މިކަހަލަ ތުހުމަތު ކުރީ އިލްޔާސް ވެރިކަމަށް ގެންނަންވެގެން އުޅުނު ޑިފެންސުން މަދަދާއި މުސާރަދީފައި ތިބޭ ބައެކެވެ. އެމީހުން ހީކުރީ، އަޅުގަނޑުމެން މިއުޅެނީ ޑޮކްޓަރ ވަހީދުއަށް ވެރިކަން ހޯދައިދޭށެވެ. ހަގީގަތުގައި ވެރިކަމައިގެން އުޅެނީ އަޅުގަނޑުމެން ނޫންކަން މިހާރަކަށް އައިސް ރައީސް މައުމޫނަށް ގަބޫލުކުރެވެން ފެށީކަމަށް ވެދާނެއެވެ.


އަޅުގަނޑުމެންނަށް ލުޔެއް މިއަންނަނީ، އިލްޔާސަށް ކުރެވުނު ތުހުމަތުތައް ފަޅާ އަރަން ފެށީމާ ކަމަށްވެސް ވެދާނެއެވެ. ފަހުން މިޚަބަރުތައް ސިފައިންގެ ފަރާތުން ސާފުކޮށް ލިބުނީ ވެސް އިލްޔާސް އިބްރާހީމް ވެރިކަމަށް ގެންނަން ވެގެން ބަޔަކުމީހުން ސިއްރު މަސައްކަތް ތަކެއްކޮށްގެން ބަންދުކޮށްފި ކަމަށެވެ. މިޚަބަރު ލިބުމާއެކު، މިހާރު މިދަނީ ރަނގަޅުމަގުން ކަމަށް އަހުރެންނަށް ގަބޫލު ކުރެވުނެވެ. ރައީސް މައުމޫނަށް އެތެރޭގެ ހަގީގަތްތައްް ފަޅާއަރަނީ ކަމުގައި ބެލެވުނެވެ.


3 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 773 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް މާލެއަށް ގެންދިޔައެވެ. ބޭރުން ހަލީމާއި ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައެވެ. މިގްރޫޕަކީ، އާދަމްޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލި މީހުންނެވެ. މިގްރޫޕްގައި ހަތަރުފަސް މީހަކުހިމެނެއެވެ. މުސްތަފާ އާއި ވާއްޕެ އާއި ވަލީދަކީ ވެސް މިގްރޫޕްގެ މީހުންނެވެ. މާލެއިން ޖަވާހިރުވާދީ، އިބްރާހީމް ރަޝީދު (ކޮއްކޮއިބުރޭ) ދޫކޮށްލިޚަބަރު ލިބުނެވެ. ދޫކޮށްލީ އެކެއް ފެބްރުއަރީގައެވެ.


މުޅިން މިނިވަންވީއެވެ. މިވާހަކަ ޕްރިސަންސުން ކަށަވަރުކުރި އިރު ވަނީ މުޅިންތެދަކަށެވެ. މިއަދު ޑެންޓަލްކްލިނިކުން ކުރި މަސައްކަތަކީ، ވާއަތުތިރީ ދަތްޕިލާގެ ތިންވަނަ ކޮލުދަތަށް ރިހިކުލައިގެ މެޓަލް ފިލްކުރުމެވެ. ދެން ޖެހިގެންއިން ދަތަށްވެސް އެޅިއެވެ. ދެން އަންނަން ޖެހެނީ، 11 ފެބްރުއަރީގައެވެ. މެންދުރުކުރިން އައުމަށް އެންގިއެވެ. މިކަމާ ހަވާލުވީ އަޅުގަނޑު މާލެގެނައި ސިފައިންގެ މީހާއެވެ. މިއަދު ހަންދުގެ އެކަހެރިބައްދަވުން އާތު އާއެކު ފެށުމަށް އެކަމަށް ޚާއްސަކޮޓަރިއަށް ހަންދު ގެންދިޔައެވެ. ނިމޭވަގުތަކީ މާދަމާ ހަވީރެވެ.


4 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 774 ވަނަ ދުވަހެވެ. މިއަދު އަޒީ މާލެ އަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަންދު އެކަހެރި ބައްދަލުވުން ނިންމާފައި ހަވީރު ފަހެއްގައި މިބަޔަށް ގެނެސް ވެއްދިއެވެ. ހުރިހާޚަބަރެއް ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. މާލޭ ގެ ވަކިޚާއްސަ ޚަބަރެއް ނެތްކަމަށް ބުންޏެވެ.


5 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 775 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގާދުވަހެކެވެ. ތޭރަވާ އާއި ރަތަފަ އާއި ކަނބިއްޔަށް ކާންދިނުން އޮތެވެ.


6 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 776 ވަނަ ދުވަހެވެ. އަޅުގަނޑު މުތާލިއާކޮށް ނިންމާލުމަށް ބޭއްވި ދިވެހި ތާރީޚާ ގުޅޭފޮތެއް މިއަދު އަންނިއަށް ކެނެރީގެއަށް ޖަލުއޮފީސް މެދުވެރިކޮށް ފޮނުވާލީމެވެ. އަންނިއަށް ކެނެރީގެއަށް ރައްދުކޮށް ދިނުން އެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ މެންދުރެއްހާ އިރު ހަވާލު ކުރީއެވެ. އަދި އަންނިއަށް ނޯޓެއްވެސް ފޮނުވީމެވެ. އަދި ހެއްކާބެހޭ ބައެއް އާޔަތްތަކުގެ ހަވާލާތައް ވެސް އަންނިއަށް ފޮނުވީމެވެ. މިކަން ކުރީ އަންނި އެދިގެންނެވެ. މިއާޔަތްތައް އިނގިރޭސި ތަރްޖަމާއިން ހައިކޯޓަށް ދިއުމުގެ ކުރިން ދިރާސާކޮށް ލުމަށް ބުނެފައިވާނެއެވެ.


7 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 777 ވަނަ ދުވަހެވެ. އަބްދު ﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޒީ ޑެންޓަލް ކްލިނިކަށް މާލެއަށް މިއަދު ގެންދިޔައެވެ. މިއަދު މެންދުރު ޚަބަރުގައި މ.އުނިމާގޭ (ހޮޅިގޭ) ފާތުމައިދީ އަވަހާރަވި ވާހަކަގޮވިއެވެ. މިއީ ހިތާމަވެރި ޚަބަރެކެވެ. އަވަށްޓެރިޔަކު ދެމިއޮތުމުގެޢާލަމަށް ދަތުރު ކުރެއްވި ދުވަހެކެވެ. އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން! ހޮޅިގޭ ފާތިމަތް ދީދީ އަކީ، އަނީސާ އާއި ހަފީޒާގެ މަންމައެވެ.


މާމައާއި ޒަޢީމާ ސަލާމްކުރައްވާ އިރު ޒަޢީމާގެ މޫނަށް ބައްލަވަން ބުރުގާ ނާޅުއްވާ އެހުންނެވީ އުނިމާގޭ ފާތުމައިދީ އެވެ.
މާމައާއި ޒަޢީމާ ސަލާމްކުރައްވާ އިރު ޒަޢީމާގެ މޫނަށް ބައްލަވަން ބުރުގާ ނާޅުއްވާ އެހުންނެވީ އުނިމާގޭ ފާތުމައިދީ އެވެ.

އަދި އަޅުގަނޑުގެ ކޮއްކޮ އިބުރޭގެ އަންހެނުން އަންދިގެ ދޮންމަންމައެވެ. ހޮސްޕިޓަލުން މިޚަބަރު އަބްދު ﷲ ހުސައިނަށް ލިބުމުން ޖަލަށް އައިސް އަޅުގަނޑު މެންނަށް ދިނެވެ. ފާތުމައިދީ އަކީ ޖަވާހިރުވާދީއާ ޖެހިގެން އިރަށް ހުންނަ އުނިމާގޭގެ ވެރިޔާއެވެ. ދައުލަތުގެ ކަނބުލޭގެފާނެކެވެ. މާމަ އާއި މަންމަގެ ވަރަށް ގާތް ރައްޓެއްސެކެވެ.


8 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 778 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނުހިނގައެވެ.


9 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 779 ވަނަ ދުވަހެވެ. އަބްދު ﷲ ސަލީމް ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. މިއަދު މެންދުރު ފަހު، ނިދާފައި އޮއްވާ ފެންނަނީ، ތުއްތަ އާއި އިފާއި ދޮންދައްތައާ ގޭތެރެއިން ބައްދަލުވެގެން އުޅެނިކޮށެވެ. މަގުމަތީގައި އޮތް ސިފައިންގެ ޕެރޭޑެއް އެންމެން ބަލަންވެގެން ދޮރާށިދޮށަށް ނުކުމެ ތިބިތަނެވެ. މިހުވަފެނުގެ ތައުބީރެއްކަމަށް އަޅުގަނޑު ނިންމީ، ދެން މާގިނަދުވަހެއް ނުވަނީސް ގޭގައި އެންމެން އެކުގައި އުޅޭނެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށެވެ.


އަދި ރޭގެނިދީގައި ފެނުނު ހުވަފެނަކީ، އޮނަރަބްލް އަބްދު ﷲ ކަމާލުއްދީނާ އެކުގައި މައްކޮ އާއި އަޅުގަނޑު އުޅޭ މަންޒަރެވެ. މައްކޮ އެއްޗެހިތަކެއް ޕޯސްޓުކުރަން ދާންވެގެން އަޅުގަނޑު ގޮވައިގެން ޕޯސްޓުއޮފީހަށް ދާންވެގެން އަޅުގަަަަަަަނޑަށް ގޮވާއި ގެންދާން އުޅޭ މަންޒަރެވެ. ދިޔަނުދޭން އުނިމާގޭ އަހްމަދު އާދިލްގެ ބައްޕަ މުހަންމަދުގާސިމް ހުރަސް އަޅައިގެން އުޅޭތަނެވެ. މުހަންމަދު ގާސިމް އަޅުގަނޑާ ދިމާއަށް ބުނުއްވަނީ މައްކޮ އާއެކު ނުދާށެވެ. ކުޑަގޮޅިއަށް ދާށެވެ. މި ގާސިމަކީ ސިފައިންގެ ބޭކަލެކެވެ. ހުރަސް އެޅުއްވުމަށް ފަހު، ކުޑަގޮޅިއަށް ދާން ހިނގާށޭ ކިޔާތަނެވެ. މައްކޮ އާއެކު ނުދެވެނީސް ހޭލެވުނީއެވެ.


އަބްދު ﷲ ކަމާލުއްދީނަކީ، އަޅުގަނޑާއި މައްކޮގެ ވެރިމީހާއެވެ. މިނިސްޓަރެވެ. ސަރުކާރުގައި އަޅުގަނޑާއި މައްކޮ އުޅުނުއިރު އަބްދު ﷲ އަކީ، ބޮސް އެވެ. އަޅުގަނޑުމެން ތިންމީހުން ވަރަށްގާތް ވާނެއެވެ. މައްކޮ އާއި އަޅުގަނޑު އަބަދުވެސް އުޅެނީ، އެކުގައެވެ. މިހުވަފެނުން އަޅުގަނޑު ތައުބީރުކޮށް ނެގި އެއްޗަކީ، މައްކޮއަށް ވަރަށްއަވަހަށް ރަނގަޅުގޮތެއް ވާން އުޅެނީ ކަމަށެވެ. މިނިވަން ވާނެ ކަމަށެވެ.


އަދި އަޅުގަނޑު މިބަންދުގައި އިތުރު ދުވަސްތައް ނަގާނެ ކަމަށެވެ. މައްކޮ ވީހާ އަވަހަށް މިނިވަންވުމަކީ، އަޅުގަނޑުގެ އެދުމެކެވެ. އަދި އަޅުގަނޑުގެ ދުއާއަކީ ވެސް އެއީއެވެ. އަދި ކުޑަގޮޅީގައި ތިބި ދުވަސްވަރު މުއުމިނު ޖިންނިއެއް މެދުވެރުކޮށް ރޫޙާނީ ބާރުގެ ޒަރީއާއިން މައްކޮ މިނިވަން ކުރެވޭތޯ ދޫނިދޫކުޑަ ގޮޅީގައި އޮތް އިރު އަޅުގަނޑު އެތައް މަސައްކަތެއް ކުރީ ވެސް މައްކޮ އަކީ މިކަމުގައި އެއްވެސް އަދަބެއް ލިބިގެން ނުވާނެ މީހެއްކަން އަޅުގަނޑަށް ކަށަވަރުކޮށް ސާފު ވާތީއެވެ. ރަނގަޅަށް އެކަން އެނގޭތީއެވެ. މައްކޮ ބަންދުކުރަން ޖެހެ އެއްވެސް ބިންގަލެއް ނެތެވެ. އަދި ހެޔޮވަރުގެ ޢުންޞުރެއް ވެސް ނެތެވެ.


10 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 780 ވަނަ ދުވަހެވެ. މާލެއަށް ވަލީދު ގެންދިޔައެވެ. ޑޮކްޓަރަށެވެ. ރޭގެވަގުތެއްގައި ހަލީމާއި ކާދޫ އިބުރޭ ތަޅައިގަނެގެން، އޮފީހަށް ގެންގޮސް ތަހުގީގުކުރުމަށް ފަހު، އެ ދެމީހުން ކުޑަގޮޅިއަށް ލައިފިއެވެ. އަދި މިއަދު ހަވީރު ގަސް އިބްރާހީމް މަނިކު ވަޑައިގެން އެތަހުގީގުކޮށް ބަޔާންތައް ނަގާ ހެދުމަށް ފަހު، ވެސް އެދެމީހުން ބޭތިއްބީ ބޭރުގައި ހުންނަ ކުޑަގޮޅި ތަކުގައެވެ. މިއީ ރީތިކޮށް ހަދާފައިހުންނަ ކުދިގޮޅިތަކެކެވެ. މިގޮޅިތަކުގެ މަތީފުރާޅު މިބަޔަށް ފެނެއެވެ.


11 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 781 ވަނަ ދުވަހެވެ. ވަލީދާއި އަޅުގަނޑު މިއަދު މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އަޅުގަނޑު ޑެންޓަލް ކްލިނިކަށެވެ. މިއަދު ކުރި މަސައްކަތަކީ، މަތީދަތްޕިލައިން ކަނާއަތްފަރާތުން އެތެރެއިން ދެވަނައަށް އިން ކޮލުދަތަށް ސިލްވަރމެޓަލް އަޅާއި ފިލްކުރީއެވެ. މިއަދާހަމައިން ދަތުގެ ފަރުވާއަށް ހުރި ހުރިހާކަމެއް ނިމުނީއެވެ.


ދެން އޮތީ ފަރުވާ ދެވުނު ދަތްތައް މަސައްކަތްކުރަނީ މުޅިން ފުރިހަމައަށްތޯ ބަލާއިޗެންކޮށް ލުމަށް އައުމެވެ. މިކަމަށް އަންނަން ޖެހެނީ، 16 ފެބްރުއަރީ ގައެވެ. ވަލީދު ހޮސްޕިޓަލުގައި ކުރިކަމަކީ ފިޒިއުތަރަފި ހެއްދީކަމަށް ބުންޏެވެ. މިކަންތައް ދުވަސްކޮޅަކު ކުރަންޖެހޭނެއޭ ހޮސްޕިޓަލުން އެންގިކަމަށް ވަލީދު ބުންޏެވެ. މިއަދު ވެސް ނެގި ދަތަށް ދަތެއް ޖަހައި ދިނުމަށް އެދުމުން ލިނުބީ ނޫނެކެވެ.


12 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަސްތަކަށް ބަލަން ތިބީއެވެ. ބޭނުންއިރަކު ގަސްތަކު ކައިރީގައި މިހާރުއުޅެވެއެވެ. ފަޅޯގަސްތަކުގައި ބައިވަރު ކުދިކުދި ފަޅޯ އަޅާފައި އެބަހުއްޓެވެ. ބައެއް ފަޅޯޅަކޮށް ކާލެވެއެވެ. މިރުހާއި ބަށި ވެސް އެބަބޮޑެތިވެއެވެ. ގެންގުޅޭ ތިންދޫންޏަށް މިއަދުވެސް ކާންދިނީމެވެ. އިރުވާހުދުމަތިން ވަރަށް ހަދާން ވެއެވެ. އަންނި މާލެ ގެންދިޔަފަހުން ވެސް ރުކުން އެތެއް ރާކުރެވޭތޯ އަހުރެން ކުރި މަސައްކަތް ވީ ބޭކާރެވެ. އެއްގޮތަކަށް ވެސް ރާފޮދެއް ލިބޭނެގޮތެއް ނުވިއެވެ.


13 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ވަލީދު ފިޒިއުތަރަފީއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކާދޫ އިބުރޭ އާއި ހަލީމު ތަޅައިގަނެގެން ހަލީމުގެ ތުންފަތަށާއި ދަތަކަށް ކުދިއަނިޔާވި ޚަބަރުލިބުނެވެ. މިމީހުންތިބެނީ ބޭރުގައެވެ. ހޮސްޕިޓަލަށް ގެންދިޔަ ޚަބަރެއް ވެސް އުޅުނެވެ. މިއަދު މެންދުރެއްހާއިރު، މުސްތަފާ މިބައިންނެރެގެން ބޭރަށް ކުޑަގޮޅިއަކަށް ގެންގޮސް ލައިފިއެވެ.


ފަހުން އެނގުނުގޮތުގައި ކާތަކެއްޗާއި ފެންގެނެސްދޭ ސޮރުއަތަށް މުސްތަފާ ސިޓީއެއްދީފައި ހަލީމަށް ރައްދުކުރުމަށް ދީގެންމިކަން ފަޅާއެރީއެވެ. މިސޮރުން ހަދާގޮތަކީ މިކަންތައް ކޮށްދޭނަމޭ ކިޔާފައި ސިޓީއަތަށް އެރީމާ ޖަލުއޮފީހަށް ރިޕޯޓްކޮށް ފަޅާއަރުވާ ލަނީއެވެ. މިނޯޓުން ކާދޫ ގައިގާ ތަޅައި ގަތީ މި މީހުން ރާވައިގެން ހިންގިކަމެއްގެ ގޮތަށް ލިޔެފައި އޮވެގެން މިކަންތައް ވަރަށް ގޯސްވިއެވެ.


މި މީހުން ވެގެން ކާދޫ އިބުރޭއަށް ހޭއަރުވާލަން ނިންމާފައިވާކަން ފަޅާއެރީ މިނޯޓުންނެވެ. މި މީހުންނަކީ ކުރިން ސިފައިންނަށް ވާތީ، ސިފައިންނަށް މާބޮޑަށް އިތުބާރުކޮށް މިކަހަލަ ކަންތައް ކުރަނީއެވެ. ކާދޫ ކުރިން ވެސް ހުރި ބޮޑުގޮޅިއަށްލާއި މި ދެމީހުން ވެއްދީ ކުޑަގޮޅިއަށެވެ. މާލެ ގެންދިޔައީ ކާދޫ އެކަންޏެވެ. ބޭސްފަރުވާއަށެވެ. މި މީހުންނައި ކާދޫއައި ޖެހުނު އަސްލު މައްސަލައެއް ނޭނގުނެވެ.


14 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 784 ވަނަ ދުވަހެވެ. ވަލީދާއި އަޒީ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސް އިން ހިއްސާ ވިއްކިކަމުގެ ލިޔުމާއި ހިއްސާގަތް ކަމުގެ ރަސީދު މިއަދު ޕްރިސަންސުން ފޮނުވައިގެން ލިބިއްޖެއެވެ. ވަރަށް އުފާވިއެވެ. މިވީގޮތުން ހީވެސްނުކުރާ ކަހަލަކަމެއް ޖަލުގައި ހުރެގެން ކުރެވުނީއެވެ. މުޅިއުމުރަށް ފައިދާލިބޭނެ ދޮރެއް ހުޅުވާ ލެވުނީއެވެ. ކޮންމެ އަހަރަކު ބޭންކުން އެހިއްސާތަކަށް ފައިދާއެއް ލިބޭނެތާއެވެ!


ދިހަހިއްސާ ގަތުމަށް ބޭނުންވާ، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކުރިކަމާއި ހިއްސާ ވިއްކިކަމުގެ ރަސީދު ބޭންކުން ސިޓީއަކާއެކު ލިބިފައި އޮތެވެ. މިއީ ފުރަތަމަ ބުރުގައި މީހަކަށް ވިއްކި މިންވަރެވެ. ﷲގެ އިރާދަފުޅުން މިކަންތައް ހަމަޖެހުނީއެވެ. ބޭންކަށް ސިޓީ ލިޔުނުއިރު މިއީ ވެދާނެކަމެކޭ އެއްގޮތަކަށް ވެސް ހިތަކަށް ނުގެނެވެއެވެ. މިކަންވާނެ ކަމުގެ އުންމީދު އޭރު ވަރަށްކުޑައެވެ.


އެހެނަސް، ﷲ ގެ ހެޔޮރަހްމާތާއި އިރާދަފުޅުން ކޮންމެކަމަކީ ވެސް ވެދާނެކަންތަކެވެ. މިއަދު މެންދުރު ނަމާދުން ފެށިގެން މިސްކިތުގައި އާޓިނުޖަހާތީ ނަމާދަށް ނެރުން ވަގުތީގޮތުން ހުއްޓާލިކަން އެންގިއެވެ. މުޅި މިސްކިތް ބަންގިނުގޮވާގޮތަށް ބަންދުވީއެވެ. ޓިނުޖަހާ ނިމެންދެނެވެ. މި މަސައްކަތް ކުރުވަނީ އެސްޓިމޭޓަށް މާލޭންގެނައި ބަޔަކުލައްވައެވެ.


15 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 785 ވަނަ ދުވަހެވެ. މިއަދު ޖަލުއޮފީހަށް ގެންގޮސް ރަސްމީކޮށް މޫދުން މަސްހިފުމުގެ ހުއްދަދިނެވެ. މިއީ ނަސިމު ކައިރީގައި އަޅުގަނޑު ބުނެގެން އުޅޭ ކަމެކެވެ. ވާގޮތަކީ މަނާކުރުމުން ވެސް މިއީ އަޅުގަނޑުމެން ގަވައިދުން ކުރާ ކަމަކަށް ވާތީ ހުއްދައެއް އޮތުން ރަނގަޅެވެ. އެހެންވެ ހުއްދައެއް އޮންނަން އަޅުގަނޑު ބޭނުންވީއެވެ. ކުރިޔެކޭ އެއްގޮތަށް ކުޅޭށާއި މޫދަށް ނެރެއެވެ.


ރޯދައަށް ދޮންވެލި ލުން:


މިއަދަކީ ވެސް ކުޅޭށާއި މޫދަށް ނެރުނު ދުވަހެކެވެ. މިއަދު މޫދުން އައިއިރު އައީ ކޮންމެމީހަކަށް ގެނެވުނުވަރަކަށް ދޮންވެލި ހިފައިގެންނެވެ. ރޯދައަށް ދޮންވެލި ލާށެވެ. މިބައިގެ ގޯތިތެރެ ރީތިކޮށްލާށެވެ. ނަސީބަކުން އެކަކުވެސް އަޅައެއް ނުލިއެވެ. މަނާކަމަކަށް ވެސް ނުވިއެވެ. ވެލިލާފައި ހުއްޓައި ފެނުމުން ވެސް ކަމަކަށް ނުހެދިއެވެ.


16 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 786 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލަށް ޗެކްއަޕަކަށް ދާންޖެހުނެވެ. ޑޮކްޓަރުގެ ހަމައެކަނި ޗެކުކޮށް ބަލާލުމަކަށެވެ. އެހެންއެއްވެސް ކަމެއް ނުކުރެއެވެ. ދަތްޖެހުން އޮތީ ހުއްޓިފައެވެ. މުޅި އުމުރަށް އެބާގަނޑާއެކު އުޅޭނީއެވެ. މިއަދު ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ނާސިރާއި ވިސާމް ކޯޓަށް ގެންދިޔައެވެ. ދަތުރުގައި އުޅުނީ އެންމެން އެކުގައެވެ. ކެއީވެސް އެންމެން އެކުގައެވެ. މަޖާދުވަހެކެވެ.


17 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 787 ވަނަ ދުވަހެވެ. ވަލީދާއި އަބްދު ﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަވީރު ހަންދުއަށް ގެއިން ފޮނުވައިގެން ސޮނީ ލަވަޖަހާ ސެޓެއް ލިބުނެވެ. އަދި މިއަދު ގަސް އިބްރާހީމް މަނިކު ޑޮކްޓަރެއް ގޮވައިގެން ގާމާދޫއަށް ވަޑައިގަތެވެ. ބައެއް ގައިދީން ބަލާ ހެދިއެވެ.


18 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 788 ވަނަ ދުވަހެވެ. ނާސިރާއި ވިސާމް ކޯޓަށް މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމަ އާއި ތުއްތަ އާއި އިލްމާއު އަޅުގަނޑާއި ހަންދު އާއި ބިގޭއާ ބައްދަލުކުރަން އައެވެ. އަބްދު ﷲ ހުސައިނާ ވެސް މަންމަމެން ބައްދަލުކުރިއެވެ. މިދަތުރުގައި މިނިވަންކޮށް ދޫކޮށްލި ކޮއްކޮ އިބުރޭވެސް ބައްދަލުކުރަން އައެވެ. އަދި އާތު އާއި ހަންނުވެސް ވަކިން ހަންދުއާ ބައްދަލުކުރިއެވެ. ގޭގެޚަބަރުތައް ވަރަށް ރަނގަޅެވެ. ދޮންދައްތަމެން ވެސް ރަނގަޅުކަމަށް ޚަބަރުދިނެވެ. މާމަގެ ހާލުވެސް ރަނގަޅެވެ. އަޅުގަނޑު މެންނަށް ގެއިން ވަރަށް ގިނަސާމަނު ލިބުނު ދުވަހެކެވެ. އުފާވެރި ދުވަހެކެވެ.


19 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 789 ވަނަ ދުވަހެވެ. މިސްކިތް މަރާމާތުކޮށް ހަދަމުންގެންދާ ތަންފެނެއެވެ. ވަރަށް ސްޕީޑްދަށްވެފައި ލަހެވެ. އަދި ވެސް ނިމޭކަށް ނޫޅެއެވެ. އަހުރެމެންނާ ހަވާލުކުރި ނަމަ ފަށާގޮތަށް ހުއްޓާލާނީ ނިންމާފައެވެ. އަދި އޭރުން ފައިސާނުގޮސް ތަކެތި ދިނުމުން އެކަންވާނެއެވެ. އެހެނަސް މިއީ އޮންނަ ދަށުންދަމާ އުސޫލެވެ.


ގަސްތައްކައިރީގައި ގިނަވަގުތު ތިބި ދުވަހެކެވެ. ފަޅޯތައްބޮޑެތި ވެއްޖެއެވެ. ގިތިކޮށް ވެސް ކައިހަދަމެވެ. އަދި ހަފްތާއެއްގެ ތެރޭގައި މުޅިން ދޮންވާވަރު ވާނެހެން ހީވެއެވެ. މިރުސް ވެސް ހުރީ ބޮޑެތި ވެފައެވެ. ރޯދައަށް ބިނދެވޭވަރު ވާނެއެވެ. މިހާރު މިތިބެނީ ދޮންފަޅޮލެއް ބިނދެލާއި ކާލާހިތުންނެވެ. ދޮންވުމުންނޫނީ ގިނައިން ނުބިންނަން ކެތްކޮށްލައިގެން ތިބެނީއެވެ.


20 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 790 ވަނަ ދުވަހެވެ. އަޒީ އާއި ވަލީދު ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިބައިގައި މިއަދު ކުލަލާން ފެއްޓިއެވެ. ރޯދައަށް ރީތި ކުރަނީއެވެ.


21 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 791 ވަނަ ދުވަހެވެ. މިއަދު ހަންދު އާއި ބިގޭ އާއި ވަލީދާއި އަޒީ އާއި ޒާހިރާއި ކިޔޮޅު އިބްރާހީމް ނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަޅުގަނޑު ނުކުންނަން ބުނީ ސާމާނާއެކުގައެވެ. ގޭބަންދަށް ދާށެވެ. އަތުންކުރި މަސައްކަތުގެ މީރުކަން ދޮންފަޅޮލަކުން ނުލިބި ގެއަށް ބަދަލުވާން ޖެހުނީއެވެ. ކޮންމެ ވެސް ބަޔަކަށް އެގަސްތަކުގެ ފައިދާ ކުރާނެއެވެ. އުފާލިބޭނެއެވެ. އިން ޝާﷲ!


ޖަލުގައި، 790 ދުވަހަށް ފަހު ގޭގެބަންދަށް ބަދަލުކުރި ވާހަކަ:


ﷲއަށް އެތައްހާސް ޝުކުރެއް ހުއްޓެވެ! މާލެ ދިއުމަށް އަޅުގަނޑު ނުކުތީ ހުރިހާ ސާމާނާ އެކުގައެވެ. އަންނި އަޅުގަނޑަށް ދެއްވި ސަރަންފީ ދިނީ ބިގޭއަށެވެ. އެންމެންނާ ސަލާމް ކޮށްފައި މާލެ ދާމީނުންނާއެކު ހިނގައިގަތީ އުފަލުން ފުރިގެންހުރެއެވެ. ސާމާނާއެކު ގެންދާތީ ގެއަށް ދެވޭނެތީއެވެ. ގަސްތަކުގައި ހުރި ފަޅޯތައް ހުރީ ދޮންވާންކައިރި ވެފައެވެ. މިއިން ފަޅޯކޮޅެއް ކާލަން ނުލިބުނީމާ ވަރަށް ދެރަވިއެވެ. ގަސްތައް ހުރީ ފަޅޯއަޅާބަރާ ވެފައެވެ.


ޕްރިސަންސަށް ވައްދާފައި ހުކުމުން ބާކީއޮތް ދުވަސްތައް ރައީސުލް ޖުމްހޫރިއްޔާ ގެއަށް ބަދަލުކޮށްދެއްވީ ކަމަށް ފޮތެއްގައި ލިޔެ ސޮއިކުރުވާ އެންގިއެވެ. އެއީ ތިންއަހަރަށް ޖަލަށް އިއްވާފައިއޮތް ހުކުމުންބާކީއޮތް ދުވަސްތަކެވެ. 1994 ޖެނުއަރީ 10 ވަނަ ދުވަހާހަމައަށް ގޭގެ ބަންދަށް ބަދަލު ކުރެވުނީ ކަމަށް އެފޮތުގައި ލިޔެފައިއޮތެވެ. އަދި ހަމަސް ދުވަހަށް އަރުވާލުމަށް އިއްވާފައި އޮތް ހުކުމް، ކެސެޓްރޯލް މައްސަލައިގެ ހުކުމް ވެސް ގޭގެބަންދަށް ބަދަލުކޮށް ދެއްވީ ކަމަށް ލިޔެފައި އޮތެވެ.


މިއަދުން ފެށިގެން ހުރިހާ ހުކުމެއްވެސް ގޭގެބަންދަށް ބަދަލުކޮށް ދެއްވީއެވެ. އެހެންވުމުން ދެންބާކީއޮތް ތިންހުކުމްވެސް ގޭގެބަންދަށް ބަދަލުވެ ނިމުނީއެވެ. މިގޮތަށް ހަމަޖެހުމުން ގޭގައިހުރެގެން ބާކީދުވަސްތައްގުނާ ނިންމާލެވޭނެއެވެ. މިވާހަކަތައް އެންގުމަށް ފަހު ގެއަށް ގެނެސް ގޭގައި ބޭރުދޮރާށީގައި އިއުލާނެއް ޖަހާއި ގޭގައި ބަންދުކުރީއެވެ. ހަންދު އާއި ބިގޭ ހޮސްޕިޓަލަށް ފޮނުވާލީ ސަލާންގަލަންކޮށް ހަދާފައެވެ.


ގޭގައިހޭދަ ވެގެންދިޔަ ފުރަތަމަ ހިނދުކޮޅަކީ ވަރަށްގިނަ އިހްސާސްތައް ހިތުތެރޭގައި ހިނގަމުން ދިޔަ ވަގުތުކޮޅެކެވެ. މާމަ، މަންމަ، ކޮއްކޮމެން ގާތުގައި ގިނަވަގުތު ހޭދަކުރެވުނެވެ. ޖަލުގައި، 790 ދުވަސްކޮށްފައެވެ. އާދެ! މާލެއަށް ގެއަށް އާދެވުނީއެވެ. އަލްހަމްދުލިއްލާހީ އެވެ! އާދެ! މިރެއަކީ، 1413 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ މުލަ ރޯދަހިފަން ޖެހޭރެއެވެ. މިރޭ ހާރުކާން ޖެހެއެވެ.


މާދަމާއަކީ މުލަރޯދަ ދުވަހެވެ. އެއީ، 22 ފެބްރުއަރީ އެވެ. ޒަމާންގަނޑަކަށް ފަހު، އަމިއްލަ ވަޒަނަށް އާދެވުނީއެވެ. ހީވަނީ މުޅިން އެހެން ވެއްޓެއްގައި އުޅެވޭ ހެންނެވެ. ރަތަފަ އާއި ތޭރަވާ އާއި ކަނބިލި، ދޫނިތައް، ފަޅޯގަސްތައް ވަޅުގައި ތިބި ގުރުވަތައް، އިށީދެގެން ފޮތްކިޔާން އޮންނަ ސަރަންފީ މަތިންވަރަށް ބޮޑަށް ހަދާންވެއެވެ. މިހުރިހާ ފިކުރެއްގައި އޮވެ ނިދުނީ ވަރަށް ލަހުންނެވެ. ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އޮށޯތީ ހާރުކައިގެންނެވެ.


22 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 792 ވަނަ ދުވަހެވެ. މިއަދަކީ ގޭބަންދުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދަކީ، ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަހެވެ. މުލަރޯދަ ދުވަހެވެ. ގޭގައި ތިބި އެންމެންނާ ދައްކަންހުރި ވާހަކަތައް ދައްކާނިމުމުން އިތުރު ކަމެއް ނެތުނީމާ ފޫހިވާން ފަށައިފިއެވެ. ޖަލުމަތިން ހަނދާންވާން ފަށައިފިއެވެ. ހަންދު އަދި ބިގޭ އާއި އަބްދު ﷲ ހުސައިނު މަތީން ހަނދާންވެއެވެ. މިއަދަކީ އެގޮތުން ވަރަށް ފޫހި ދުވަހެކެވެ. ރޯދައަށް ހުރުމުންނާއެކު ގިނަވަގުތު ދުއްވާލީ އަރާމުކުރުމުގައެވެ.


މެންދުރުފަހުން ނިދިގަނޑެއް ވެސްދިޔައެވެ. ގިނަވަގުތު ދަނީ ކުރީގެހަދާން ތަކުގައެވެ. ހޭނިފައި ހުރީ ޖަލުގެ އާދަކާދަ އަށެވެ. ގަސްތަކަށް ފެންދިނުގެ ކަންތަކަށެވެ. މޫދަށްއެރުމާއި ކުޅުމަށެވެ. ދޫނިތަކަށް ކާންދިނުމެވެ. ޖަލުގެ ދިރިއުޅުމަކީ، ގޭތެރެއާ މުޅިން ތަފާތު އެހެން މާހައުލެކެވެ. މުޅިންތަފާތު ވެއްޓެކެވެ. ރޯދަވީއްލާ ނިމިގެން ނަމާދު ތަކަށް ފަހު، ފެއްޓި މަސައްކަތަކީ، ޖަލުގެ ޔައުމިއްޔާތައް އިތުރަށް ރީތިކޮށް ލިޔާށެވެ.


އެއްބައި އަނެއްބަޔާއި ހުރިހާ ނޯޓުތަކަކައި ގުޅުވާލާއި ރީތިކޮށް ލިޔަންފެށީއެވެ. ކޮންމެ ދުވަހަކު ވެސް އެދުވަހަކު ކުރިކަންތައް ނޯޓްކުރެވިފައި ހުރިވަރަކުން އެއްކޮށްލާއި މުޅިން އާފޮތެއްގައި ލިޔަންފެށީއެވެ. މިއަދު ހިތުތެރޭގައި މި ފެންނަނީ ޖަލުތެރެއެވެ. ބައެއްޒުވާނުންނަށް މިއީ ވަރަށް ކިޔާލަން ކަމުދާ އެއްޗަކަށް ވާނެކަން ކަށަވަރެވެ. ދިވެހި ތާރީޚަށްޓަކައި މިއީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެކެވެ. ކިޔަވާ ކުދިން މި ލިޔުންތަކުން އެކި ދިރާސާތައް ހެދުމަށެވެ.


23 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 793 ވަނަ ދުވަހެވެ. ގޭގައި ފޫހި ކަންމަތީގައި ހުންނަނީއެވެ. ވަގުތެއް ވާއިރަށް ލިޔަން ފަށަނީއެވެ. ލިޔާނެ ބައިވަރު ސާމާނުތައް ހުއްޓެވެ. ޖަލުގެ ހަދާންތައް ޖަލުގައި ނޯޓްކުރެވިފައި ހުރީ އިސްފަސްކޮށް އެގޮތްމިގޮތަށެވެ. އަދި ހުރީ އެއްފޮތެއްގައެއް ނޫނެވެ. ބައިވަރު ކަރުދާސް ތަކުގައެވެ. އަދި ޖަލުގައި ލިޔަންފެށި ފޮތުގައެވެ.


މަޑުމަޑުން ގޭ ތެރޭގެ މާހައުހައުލަށް ހޭނޭތޯ ބަލަނީއެވެ. މާމަ ކައިރީގައި ވަރަށްގިނަ ވަގުތު ހޭދަ ކުރަމެވެ. މާމަ އަޅުގަނޑުދެކެ އާދަޔާޚިލާފަށް ލޯބިވާކަން އަޅުގަނޑަށް އެނގޭތީ މާމަ ކައިރީގައި ގިނަވަގުތު އުޅޭހިތްވަނީއެވެ. މާމަ ހެއްވާލާއި ކޮންމެވެސް ވާހަކައެއް ދައްކާލާ ހަދަނީއެވެ.


24 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 794 ވަނަ ދުވަހެވެ. ފޫހި ދުވަހެކެވެ. ގޭތެރޭގެ މަސައްކަތްތައް ސެޓްވެގެންދާ ވަރަކަށް މަޑުމަޑުން އެބަހޭނެއެވެ. މިރޭ، 9:30 ގައި ރައްޔިތުންގެ މަޖިލިސް، 1993 ވަނަ އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު އޮތެވެ. ފެށުނީއްސުރެ ނިމެންދެން މިތަން ބަލަން ޓީވީދޮށުގައި އިނީމެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޕްރެޒިޑެންޝަލް އެޑްރެސް ފުދޭވަރަކަށް ދިކުކޮށް އިއްވެވިއެވެ.


25 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 795 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވުމުގެ މުނާސަބަތުގައެވެ.


26 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 796 ވަނަ ދުވަހެވެ. ގޭތެރޭގެ އާދަތައް މަޑުމަޑުން ހަމައަކަށް އެޅެންފަށައި ފިއެވެ. މިހާރު ފޫހިވެގެން އިންނާކަށް ނުޖެހެއެވެ. އިބުރޭއާ މިއަދު މަޝަވަރާ ކުރެވުނީ، ޖަވާހިރުވާދީގައި ހުންނަ ފިހާރަ، “އަލަންކާސްޓޯރު” ތަޅާލާފައި އެތާންގައި ހަދަން ވާހަކަދެކެވި ހުއްދަތައް ލިބިފައިވާ ވެހިކަލް ދޮންނަގަރާޖު ހަދަން ފެށުމާ ގުޅޭ ގޮތުންނެވެ. އިބުރޭވެސް މަންމަމެން ވެސްބޭނުންވަނީ އަވަހަށް ކުރަން އުޅޭކަމެއް ވިއްޔާ ކުރާށެވެ. އަވަހަށް މަސައްކަތް ފަށާށެވެ. ވަރަށް އަވަހަށް ފިހާރަތަޅާލައި ގަރާޖުހަދަން ފެށުމުގެ ނިޔަތް މިއަދު ގަނެ އެ މަސައްކަތް ވީހާއަވަހަށް ފެށުމަށް ނިންމުނެވެ.


27 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 797 ވަނަ ދުވަހެވެ. ގެއަށް ބަދަލު ކުރެއްވުމާ ގުޅިގެން ރައީސް މައުމޫނު އަރިހަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކަށް ލާނަމެވެ. އަދި ހަންދުއާއި ބިގޭއަށް ސިޓީއެއް ލިޔުނީމެވެ. މި ދެސިޓީ ދެސިޓީއުރައަށް ލާފައި ޕްރިސަންސަށް މާދަމާ ފޮނުވާލާ ގޮތަށްތައްޔާރު ކުރީމެވެ.


28 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 798 ވަނަ ދުވަހެވެ. ރަމަޟާން މަހުން، 7 ވަނަ ދުވަހެވެ. ޕްރިސަންސަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ދެސިޓީ ޕްރިސަންސަށް މިއަދު ފޮނުވާލީމެވެ. ވަކިޚާއްސަކަމެއް ނެތެވެ.


1 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 799 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި، އަބްދު ﷲ ހުސައިން ގެއަށް، ޖަވާހިރުވާދީއަށް ބަދަލުކޮށްފިއެވެ. އަނެއްކާވެސް ގެއަށް އިތުރު މީހަކަށް އާދެވުނީއެވެ. އޭނާގެ ހުކުމުން ބާކީއޮތްބައި ގޭގެބަންދަށް ރައީސް މައުމޫނު ބަދަލުކޮށް ދެއްވައިފިކަން އޭނާ ގެއަށް ގެނައުމުގެ ކުރިން އެންގެވިއެވެ. ޖަލުގެ ވަރަށްގިނަ ވާހަކަތައް ކިޔައިދިނެވެ. ގަސްތަކުގައި އެޅިފަޅޯތައް ކާންލިބޭ ވާހަކަ އަބްދު ﷲ ހުސައިން ކިޔައިދިނީމާ އެއިންފަޅޯކޮޅެއް ކާލަން ލިބޭނެ ނަމައޭ ވަރަށްހިތަށް އެރިއެވެ.


އަމިއްލައަތުން އިންދާއި ފެންދީގެން ހެއްދިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާލިބެމުންދާތީ ހިތްހަމަޖެހުނެވެ. އަޅުގަނޑަކީ އެގަސްތައް އިންދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެންމެގިނައިން ފެންދީ، ބަލަހައްޓާ ހެދި މީހާއެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެވެސް ބަޔަކަށް އޭގެފައިދާ ލިބެންޖެހޭނެއެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. ސަދަގާޖާރިއާ އެކެވެ. ބައެއްފަޅޯ އޮފީހަށް ގެންދާކަމަށް ވެސް، އަބްދު ﷲ ހުސައިން ކިޔައިދިނެވެ. ތިން ދޫނި އަދިވެސް އެބަ ތިބިކަމަށް ބުނެދިނެވެ.


2 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 800 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އަބްދު ﷲ ހުސައިން ގޭގައި ހުރުމާއެކު ދެމީހުންވެގެން ގަރާޖުހެދުމުގެ މަސައްކަތް މާދަމާފެށުމަށް ނިންމީމެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު މާދަމާ މަސައްކަތް ފެށޭގޮތަށް އިބުރޭ ކައިރީގައި ހޯދައިދިނުމަށް ބުނީމެވެ. ކޮންމެ ސަތޭކައެއް ހަމަވާ ދުވަހަކީ، ފާހަގަކުރާ ދުވަހެކެވެ. އެހެނަސް ، 800 ހަމަވި ދުވަސް މިއައި ގޭގައިކަމުން މިފަހަރު ފާހަގަނުކޮށް ދޫކޮށްލީއެވެ. ޖަލު ދުވަސްތައް ނިމިފައިވާތީއެވެ.


3 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 801 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ. މިއަދު ހެނދުނު، ހަމަޖެހިލައިގެން ފިހާރަތަޅާލާއި ގަރާޖުހެދުމުގެ މަސައްކަތް އަޅުގަނޑާއި އަބްދު ﷲ ހުސައިނާ އިސްކޮށް ތިބެގެން ފެށީއެވެ. ތަންހުސްކޮށް ފުރާޅު ރޫލާލަން ފެށުނެވެ. ރޭގަނޑުން ބޮޑުބައެއްގައި ވެސް ހާރުކާން ވަންދެން މަސައްކަތް ކުރީމެވެ. ދުވާލު މަސައްކަތް ފެށެނީ މެންދުރެއްހާ އިރުއެވެ. އެހެންވަނީ ރޯދަމަހަށް ވާތީއެވެ.


4 މާޗް 1993 ވީބުރާސްފަރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 802 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ރޭގަނޑައެކު ކުރިޔަށް ގެންދިޔައިމެވެ. ގިނަމަސައްކަތް ކުރަނީ އަޅުގަނޑާއި އަބްދު ﷲ ހުސައިނެވެ. ރޭގަނޑު އިބުރޭ އާއި އެހެން މީހުން ވެސް މަސައްކަތުގައި އުޅެއެވެ. މަންމަމެން ވެސް ރޭގަނޑު ބައިވެރިވެއެވެ.


5 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 803 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ކުރިޔަށް ދިޔައެވެ.


6 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 804 ވަނަ ދުވަހެވެ. މިއަދު ވިންޓަރޝަރީފަށް ހައިކޯޓުން ހުކުމް އިއްވިއެވެ. އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލާ ގުޅިގެން ދަށުކޯޓުން އިއްވާފައިވާ އެއްއަހަރުގެ ހުކުމް ބާތިލްކޮށް ހަމަސްދުވަހަށް ބަދަލުކޮށް ހައިކޯޓުން މިއަދު ހުކުމް އިއްވިއެވެ. މިމައްސަލާގައި ވިންޓަރަށް ކުޑަކުރިއެރުމެއް ލިބުނީއެވެ. ދަށުކޯޓުން އިއްވާފައިވާ އެއްއަހަރު ދުވަސް ހަމަހަށް ބަދަލުވީއެވެ. މިއީ ކުޑަކުވަރެއްގެ ކުރިއެރުމެކެވެ. ދެންހުރި ހުކުމްތަކަށް ބަދަލެއް އަންނާނެހެން ހިއެއްނުވެއެވެ.


7 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 805 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނު ވިންޓަރަށް މައާފުދެއްވައި އިއްވިފައި ހުރި ހުރިހާހުކުމް ތަކަކުން މިނިވަން ކުރެއްވި ދުވަހެވެ. މިކަމުގެ އުފަލުގައި މިއަދު ވިންޓަރު، ޖަވާހިރުވާދީއަށް އައިސް އަޅުގަނޑާ ބައްދަލު ކުރިއެވެ. ވިންޓަރަށް ޖަލަށް އިއްވާފައިވާ ހުކުމުންނާއި ހައިކޯޓުން، 6 މަހަށް އަރުވާލުމަށް އިއްވާފައިވާ ހުކުމައި، މިދެހުކުމުން ރައީސް މައުމޫނު މައާފުދެއްވި ވާހަކަ ބުނުއްވިއެވެ. ދެން އިތުރަށް ހައިކޯޓަށް ނުދާނެކަމާއި ހުރިހާކަމެއް މިނިމުނީކަމުގައި ވިންޓަރު ބުނުއްވިއެވެ. އަދި ވެސް މިލިބުނު އަނިޔާއަށް ބަދަލުހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމުގައި ވިންޓަރު ބުނުއްވިއެވެ. އެކަން ކުރުމަށް އަޅުގަނޑު ހިތްވަރު ދިނީމެވެ.


8 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 806 ވަނަ ދުވަހެވެ. މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުން، 15 ވަނަ ދުވަހެވެ. ޖަވާހިރުވާދީގައި ހަރުކޮށްފައި ހުންނަ އިއުލާނު ނަންގަވައި ދެއްވާތޯ ރައީސް މައުމޫނަށް މިއަދު ސިޓީއެއް ލިޔެފައި ރައީސް އޮފީހަށް ރައްދުކޮށް ދެއްވުން އެދި ޕްރިސަންސަށް ފޮނުވާލީމެވެ. މި އިއުލާނާ ހެދި މިގެއަށް މީހުންވަދެ އުޅުމަށް ވަރަށް ބިރުގަނެއެވެ. ގެއަށް ވަނުންމަނާ އިއުލާނެއް ޖަހާފައި ހުއްޓާ ވަނުމަކީ ވެސް ކުށެކެވެ.


9 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 807 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނު މަޣްރިބްކަރައަށް (މޮރޮކޯއަށް) ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތް ޚަބަރު ރޭޑިޔޯ އާއި ޓީވީން ކިޔެވެ.


10 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 808 ވަނަ ދުވަހެވެ. ގޭތެރޭގައި ހަދަމުންދާ ގަރާޖުގެ މަސައްކަތުގައި ގިނަވަގުތު އުޅުނީމެވެ.


11 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 809 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


12 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 810 ވަނަ ދުވަހެވެ. އަބްދު ﷲ ހުސައިނާއި އަޅުގަނޑު އުޅެނީފުލްކޮށް ގަރާޖުހެދުމުގެ މަސައްކަތުގައެވެ.


13 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 811 ވަނަ ދުވަހެވެ. މިއަދު ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ. މަންމައަށް ސިޓީއަކާއި އަޅުގަނޑަށް ސިޓީއެއް އޮތެވެ. މިއަދު ކުރި އެއްކަމަކީ މަތިމަސް ކޮށާލައި ހިޓްލަރު މަތިމަހަކަށް ބަދަލުކޮށްލީއެވެ. މިގޮތަށް ބަދަލު ގެނައުމަށް ފަހު، ފޮޓޯއެއް ނެގީމެވެ. އަޅުގަނޑުގެ ސައިޓުންނައި ފޭސްބުކް އެކައުންޓުން ފެންނަން ހުންނާނެއެވެ. ބައްލަވާލައްވާށެވެ.


ބިއްދަށުން ތަޅަމުންދިޔަފިހާރަ
ބިއްދަށުން ތަޅަމުންދިޔަފިހާރަ

އެޑޯލްފް ހިޓްލަރަކީ އަޅުގަނޑު ގަބޫލުކުރާ ލީޑަރޝިޕެއް ގެންގުޅުއްވި ލީޑަރެކެވެ. ކިޔެވި ދުވަސްވަރު އޭނާގެ ފޮތްތަކާއި އޭނާއާ ބެހޭ ގިނަލިޔުންތައް ކިޔާ ހެދީމެވެ. އަމިއްލަ ވެރިކަން ދަމަހައްޓަން ކުރި މަސައްކަތްތައް ރަނގަޅެއް ނޫނެވެ. ވަރަށް ޚުދުމުޚްތާރެވެ. އެހެނަސް މިފަދަ ލީޑަރުންގެ ލީޑަރޝިޕަކީ އަގުވަޒަން ކުރަންޖެހޭ، އަޅުގަނޑު ގަބޫލުކުރާ ދިރާސާތަކެއް އެކުލެވޭ ލީޑަރޝިޕްތަކެވެ. އިބްރަތްލިބި ގަންނަންޖެހޭ ގިޔާދަތްތަކެވެ. މުއައްމަރުލް ގައްޒާފީ އާއި އާޔަތު ﷲ ޚުމައިނީ އާއި ސައްދާމު ހުސައިނުގެ ލީޑަރޝިޕަކީ ވެސް އަޅުގަނޑަށް މަގުބޫލު ގިޔާދަތު ތަކެވެ.


14 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 812 ވަނަ ދުވަހެވެ. ފިދާ އާއި ވިދާގެ ސިޓީއެއް މިއަދުލިބުނެވެ.


15 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 813 ވަނަ ދުވަހެވެ. ޖަލުން ބިގޭގެ ސިޓިއެއް މަންމައަށް ލިބުނެވެ.


16 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 814 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


17 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 815 ވަނަ ދުވަހެވެ. މިއަދު ބިގޭއަށް، ޖަލަށް ނޫސް ބޮނޑިއެއް ފޮނުވީމެވެ. ގޭގައި ހަދަމުންގެންދާ ގަރާޖުގައި ރޭންޕުހެދުމުގެ މަސައްކަތް މިއަދުކުރެވުނެވެ. ރެޔާއެކު ބޮޑުބައި ނިންމާލެވުނެވެ.


ގޭގައި ހަރުކޮށްފައި ހުރި އިއުލާނު ނެގުން:


18 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 816 ވަނަ ދުވަހެވެ. މިއަދު ހެނދުނު، ޕްރިސަންސަށް އަޅުގަނޑާއި ކޮއްކޮ އަލީރަޝީދު ހުސައިން ގެންގޮސް އިސްތަފާ ބައްދަލު ކުރެއްވުމަށް ފަހު، ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. އަދި ރައީސް މައުމޫނު އަންގަވައިގެން ޖަވާހިރުވާދީގެ މައިދޮރާށީގައި ޑިފެންސް މިނިސްޓްރީން ހަރުކޮށްފައި ހުރި އިއުލާނު މިއަދުން ފެށިގެން ނަގަނީކަމަށް ވިދާޅުވިއެވެ.


މިހާރުވެސް ދައްކަމުން ތިޔަގެންދަވާ ރީތިގޮތް ފަހުންވެސް ދައްކަވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ. އަޅުގަނޑުމެން އާދޭހޭ ދެންނެވީމެވެ. މިވާހަކަތައް ނިމުމުން އަޅުގަނޑު މެންނާއެކު ޕްރިސަންސުގެ މުވައްޒަފަކު ގެއަށްދުރުވެ، އަޅުގަނޑުމެން ގެއަށްލުމަށް ފަހު، އޭނާ އެނބުރި ދުރުވީ، ގޭގައި ޑިފެންސުގެ ނަމުގައި ހަރުކޮށްފައި ހުރި އިއުލާނު ނައްޓާލައިގެން ހިއްޕަވައިގެންނެވެ. އަޅުގަނޑުމެން ދެމީހުން ގެއަށް ވައްދާފައި އޭނަދިޔައީ އިއުލާނު ހިފައިގެންނެވެ. މިއަދުން ފެށިގެން ޖަވާހިރުވާދީ މިނިވަންވީއެވެ. ގޭގެ ކުށްވެރިކަން ފިލީއެވެ.


ޖަވާހިރުވާދީއަށް ވަންނަން ބޭނުން މީހަކަށް ޑިފެންސުގެ ހުއްދައެއް ނެތި ވަދެވޭގޮތަށް އަނެއްކާވެސް ޖަވާހިރުވާދީ ހުޅުވާލެވުނީއެވެ. ޖަވާހިރުވާދީ އަކީ އަބަދުވެސް އޭރުގެ ޑިފެންސް މިނިސްޓްރީ ވަރަށް ބިރުގަންނަ، އަދި އަބަދުހެން ފާރަލާއި ބަލަހައްޓަމުން ގެންދާތަނެކެވެ. ޖަވާހިރުވާދީގެ ފޯނުނަންބަރާއި ޑިފެންސް މިނިސްޓްރީގެ ފޯންނަންބަރުތައް ވަރަށް އެއް ގޮތް ވާނެއެވެ. އެއީއޮޅިގެން ވެސް ބައެއްކޯލްތައް އެމިނިސްޓްރީއަށް ލިބިދާނެކަމަށް ކޮށްފައިވާ ކަމަކަށް ވެދާނެއެވެ. ނުވަތަ އިއްތިފާގަކަށް ވެސް ވެދާނެއެވެ.


އެންމެކުރިން ޖަވާރިތުވާދީއަށް ލިބުނީ، 686 އެވެ. ދެންދީފައި ހުރީ، 2708 އެވެ. ދެން، 322708 އެވެ. މިހާރުވެސް ޖަވާހިރުވާދީގެ މައިނަންބަރަކީ، 3322708 އެވެ. މިނަންބަރު އަބަދުވެސް ހުރީ، އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރްހޫމް ހުސައިން އިބްރާހީމް ފުޅުގެ ނަންމަތީގައެވެ. މިހާރު ހުރީ އަޅުގަނޑު، އިލްޔާސް ހުސައިން އިބްރާހީމްގެ ނަންމަތީގައެވެ. ކޮންމެ އަކަސް ގޭގައި ހުރި އިއުލާނު ނައްޓާލައިގެން ގެންދަމުން ޕްރިސަންސްގެ މުވައްޒަފު އެއްވެސް އެއްޗެކޭ ނުބުނުއްވައެވެ.


19 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 817 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


20 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 818 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް ނިމުމަކާހަމައަށް ދަނީއެވެ. އަބްދު ﷲ ހުސައިން ބޭނުން ވަނީ މި މަސައްކަތް ނިމުނުހާއަވަހަށް އޭނާގެރަށަށް އަމިއްލަގޭގެ ގޭބަންދަށް ބަދަލުވާށެވެ.


21 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 819 ވަނަ ދުވަހެވެ. ގަރާޖްނިންމާލުމުގެ މަސައްކަތް ބާރަށްހިނގަމުން ދެއެވެ. އަބްދު ﷲ ރަށަށް ބަދަލުވާން ޕްރިސަންސަށް ގުޅާލުމުން ސިޓީއެއް ލުމަށް ޖަވާބުގައި ބުންޏެވެ.


22 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 820 ވަނަ ދުވަހެވެ. މިއަދު ރައީސުލް ޖުމްހޫރިއްޔާއަށާއި މިނިސްޓްރީ އޮފް ޖަސްޓިސް އަށާއި ޕްރިސަންސް ޑިވިޒަނާ ހަވާލުވެ ހުންނެވި، އިސްތަފާ އިބްރާހީމް މަނިކަށް އެޑްރެސްކޮށް ވަކިވަކިން އެއިންކޮންމެ ފަރާތަކަށް ސިޓީއެއް ލިޔުނީމެވެ. މިސިޓީތައް ލިޔުމުގެ ބޭނުމަކީ ޓެރަރިޒަމްކުށަކީ، އަދި އެފަދަކަމެއް އެނގިހުރެ ނޭންގުމުގެ ކުށަކީ، ސިޔާސީކުށެއް ނޫންކަން ގާނޫނުއަސާސީން އަންގައި ދޭތީ އެކަންފާހަގަ ކޮށެވެ.


އިއްވިފައި ހުރި ހުކުމްތަކުގެ ދަށުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެއް ނޫންކަން އަންގައިދިނުމަށް ލިޔުނު ސިޓީތަކެވެ. ދިވެހިރާއްޖޭގެ ރޭޑިޔޯއިންނާއި ޓީވީގެ ޚަބަރު ތަކުންނާއި އިއްވުނު އިއުލާނުތަކުން އަޅުގަނޑު މެންނަކީ، ސިޔާސީކުށްވެރިންގެ ގޮތުގައި ވާހަކަތައް ބިނާކުރެވިފައި ހުއްޓާ، އަޑުއިވިފައި އެބަހުއްޓެވެ. އެހެންވުމުން މިކަންސާފުކޮށް ދިނުން އެދި ލިޔުނު ސިޓީތަކެކެވެ. މިސިޓީތަކުގައި ސިޔާސީ ކުށްވެރިންނަކީ ޓެރަރިސްޓުންތޯ ސުވާލުކޮށްފައި ވާނެއެވެ.


ޓެރަރިޒަމް ގާނޫނަކީ، އަޅުގަނޑުމެން ފަދަ، ރާއްޖޭގެ އިސްލާހަށް މަސައްކަތްކުރި ވަކިބަޔަކު ހައްޔަރުކޮށް ސާބިތުކުރެވޭ ވަރަށް ސިފައިންލައްވާ އަނިޔާކޮށް ގަދަބާރުން ބަޔާންތައް ނެގުމަށް ފަހު، ރައީސް އޮފީހުން ރެއާދުވާލު މަސައްކަތްކޮށްގެން ރައްޔިތުން މަޖިލީހުން އަޅުގަނޑުމެންގެ މައްޗަށް ހުކުމް އިއްވުމަށް ހަދާފައިވާ ވަރަށް އަނިޔާވެރި ގާނޫނެކެވެ.


މިގާނޫނުގެކުރިން ހިނގާފައިވާ ކަންކަމަށް ހުކުމްކުރެވޭ ގޮތަށް ޚާއްސަ މާއްދާއެއް ލައިގެން ފާސްކޮށްފައިވާ ޓެރަރިޒަމް މަނާ ކުރާ ގާނޫނެކެވެ. އިލާހީޝަރީޢަތުގައި އަދި ގާނޫނީ އިލްމުގައި ކުރިންހިނގާފައިވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން ހުކުމެއް ނީއްވޭނެއެވެ. އެއީ ޝަރީއަތުގައި ކަނޑައެޅިފައި އޮންނަ އުސޫލެކެވެ. އަދި ހަމަޖެހިފައި އޮންނަ އަސާސެކެވެ. ފިތްރަތެވެ. އަދި އިލާހީއަމުރުތައް ވާރިދުވެފައި ހުރިގޮތެވެ. މިއީ ގާނޫނެއްގައި ލިޔެވިފައި އޮތަސް އިއްޒަތްތެރި ފަނޑިޔާރުންނާއި ގާޒީން ހުކުމްކޮށްގެން ވާނެގޮތެއް، ހަމައެއް ނޫނެވެ.


މިއީ މާސިންގާބޮޑު އޮޅުވާލުން ގަނޑެކެވެ. 1968 ގެ ގާނޫނު އަސާސީގައި ދެތަނެއްގައި ސިޔާސީ ކުށްވެރިންގެ ވާހަކަ އޮވެއެވެ. ފަހަރުގައި އޭގެ ކުރިން ބޭނުން ހިފަމުން ގެންދިޔަ އަސާސީގައި ސިޔާސީކުށް ވަކިމާއްދާއަކުން ފާހަގަކުރެފިފައި އޮވެދާނެކަމަށް ލަފާކުރެވެއެވެ. ހަމަގައިމުވެސް ޓެރަރިސްޓުންނަކީ ކޮބައިކަން މީގެ ކުރިން ފާހަގަކޮށްފައެއް ނޯންނާނެއެވެ. އަދި ރާއްޖޭގައި އެފަދަބައެއް ލޭބަލްކޮށްފައެއް ވެސް ނެތެވެ.


ސަރުކާރުން ބަލަނީ، އަޅުގަނޑުމެންނަކީ ސިޔާސީ ކުށްވެރިން ކަމުގައެވެ. ކޯޓުންނާއި ޝަރުއީނިޒާމުގެ ތެރެއިން ބަލަނީ، އަޅުގަނޑުމެންނަކީ ޓެރަރިސްޓުން ކަމުގައެވެ. ރާއްޖޭގައި އަލަށް އުފެދުނު ޓެރަރިސްޓުން ކަމަށެވެ. އެހެންވެ މިސިޓީތައް އަޅުގަނޑު މިލިޔުނީ، މިކަންތައް ސާފުކޮށް ދެއްވުންއެދިއެވެ.


އަޅުގަނޑަށް އަޅުގަނޑަކީ، ޓެރަރިސްޓެއްތޯ ނުވަތަ ސިޔާސީ ކުށްވެރި އެއްތޯ ރަސްމީކޮށް އެނގެން ބޭނުން ވާތީ ލިޔުނު ސިޓީ ތަކެކެވެ. ރަފްކޮށް ލިޔެފައި މިސިޓީތައް މާދަމާރީތިކޮށް ލިޔުމަށް ފަހު، ފޮނުވާގޮތަށް މިއަދު މަޑުޖައްސާލީ އަދި އެއްފަހަރު މާދަމާ ކިޔާލުމަށް ފަހު، ފޮނުވާލުމަށެވެ. މިއީ މިއަދު މެންދުރު ކުރިންކުރި މަސައްކަތެވެ. މާދަމާ މިސިޓީތައް ފޮނުވާލާނީއެވެ.


މިވާހަކަތައް މަތީވެރިންނަށް ލިޔެ ލެވުނީމާ ވަރަށް ހިތްހަމަޖެހުނެވެ. މިސިޓީތަކުގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް އަޕްލޯޑުކުރާނަމެވެ. ރޯދަވީއްލައިގެން ނަމާދުތަކަށް ފަހު، ހަމަޖެހިލައިގެން، 9:30 އެހާކަންހާ އިރު، އަޅުގަނޑު ބަންދުކުރިއިރު އަޅުގަނޑުގެ އެކުވެރިއެއް ކަމުގައިވާ، ޒަރާނާއަށް ފޯނުންގުޅާލީމެވެ. ޖަވާބުގައި ވަރަށްމަޖާކޮށް، މާޒީގެވާހަކަތައް ދެމީހުން ދެއްކީމެވެ.


ޒަރާނާއަކީ، އަޅުގަނޑު ބަންދުކުރި އިރު ޖިންސުންލަތީފުންގެ ތެރެއިން، އަޅުގަނޑާ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ޒަރާނާއަކީ، ފާތުމައިދީ އާއި ޖަންބުދޮންމަނިކަށް ލިބިލައްވާފައިވާ ދަރިކަނބަލެކެވެ. އަމީނިއްޔާ ނިންމެވުމަށް ފަހު، އޭރުއުޅުއް ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއެއްގައެވެ. މަޑުމައިތިރި މަތިވެރި އަޚްލާގެއްގެ އަހުލުވެރި ހިތްހެޔޮ މިޒާޖެއްގެ ރީތި މާތްބޭފުޅެކެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އަބަދުވެސް އަޅުގަނޑުގެ މިއެކުވެރިޔާގެ މަތީންހަދާން ކުރީމެވެ. އެބޭފުޅާއަށް ހެޔޮދުޢާ ކުރީމެވެ. ﷲގެ ހެޔޮރަހްމަތުގައި ދާއިމަށް ލެއްވުން އެދުނީމެވެ.


ފޯނުން، ޒަރާނާ ވިދާޅުވިގޮތުގައި ހުރިހާކަމެއް ވެސް މުޅިން ރަނގަޅެވެ. މަންމަ އަދި ބައްޕަގެ ހާލުކޮޅުވެސް މުޅިން ރަނގަޅެވެ. އަޅުގަނޑުގެ ހެޔޮދުއާ އާއި ސަލާމް ޒަރާނާގެ މަންމަ އާއި ބައްޕައަށް ބެނެދޭނެކަމަށް ވިދާޅުވެ ވާހަކަތައް ނިންމާލީ އަލުން ގުޅުމަށެވެ. އާދެ! އަޅުގަނޑު ބަންދުކުރީ، 1990 ވަނަ އަހަރުގެ ނޮވެންބަރ، 8 ވީދުވަހުގެރޭ ޒަރާނާމެންގެއިން ނުކުމެގެން ޖަވާހިރުވާދީއަށް އައިސް ވަތްތަނާއެވެ.


މިއީ މަންތިރި މަޖައްލާގެ މައްސަލައަށް ސުވާލުކުރަން ގެންދިޔަރެއެވެ. އޭރު އަޅުގަނޑު ބަލާއައިސް ޖަވާހިރުވާދީގައި ސިފައިންގެ މީހަކުހުއްޓެވެ. އަދިވެސް މިއުޅެނީ އެފަހަރު ގެންދިޔަގޮތަށް މިނިވަންނުވެއެވެ. މަންތިރި މައްސަލައިން މިކަންތައް ގަނޑަށް ބަދަލުކުރަން ވެގެން ދެދުވަހަކަށް ގޭބަންދަށް ގެންގޮސް މިނިވަން ނުކޮށް ދޫނިދޫއަށް އަނެއްކާވެސް އަނބުރާ ގެނައިގޮތަށް އަދިވެސް މިހުންނަނީ އެ ބަންދުގައެވެ.


އެރެއަށް ފަހު، ޒަރާނާއައި ބަހެއް މިބުނެލެވުނީ، 820 ވަރަކަށް ދުވަހަށް ފަހުގައެވެ. އުފާވިރެއެކެވެ. ކުރިޔެކޭ އެއްގޮތަށް އެކުވެރިޔާގެ ވާހަކަތައް ފޯނުން ނަމަވެސް އިވުމުންނެވެ. ﷲ އަށް ޝުކުރުވެރި ވީމެވެ. ޒަރާނާ އަޅުގަނޑާ ދޭތެރޭގައި އެއްވެސް ނުރުހުމެއް ނޭއްގާނީގޮތެއް އަދި ރުޅިވެރިކަމެއް ނުބަހައްޓަވައި ހަމްދަރުދީ އާއެކު، ކުރިއެކޭ ވެސް އެއްގޮތަށް ވަރަށް ހަގީގަތަށް ވާހަކަ ދެއްކެވީމާއެވެ. މިރޭ ދެން އިތުރު ކަމެއްނުކޮށް އޮށޯތީ ނިދާށެވެ. ރޯދަމަސް ނިމޭ ހިސާބަށް ގޮސްފައި ވާތީ ނިދާލާފައި ދަންވަރު ހޭލާށެވެ. ބައެއް ރޭރޭ ދަންވަރު ފަތިސްވަންދެން ހޭލާއިންނަމެވެ. ލިޔެހަދާށެވެ.


23 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 821 ވަނަ ދުވަހެވެ. މިއަދު އަވަސް ވެގަތީ އިއްޔެލިޔުނު ސިޓީތައް އަލުންކިޔާލައި ރަނގަޅުކޮށްލަން ޖެހޭތަންތަން ރަނގަޅުކޮށްލާއި ރީތިކޮށް ލިޔާށެވެ. މެންދުރުކުރިން މިކަންތައް ނިންމާލުމަށް ފަހު، މި ސިޓީތައް ޕްރިސަންސް އައި ހަވާލު ކުރީމެވެ. ރައީސް މައުމޫނުގެ ސިޓީއާއި ޖަސްޓިސްގެ ސިޓީ އެފަރާތްތަކަށް ރައްދުކޮށް ދެއްވުން އެދިއެވެ.


މާދަމާއަކީ ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ އީދުލްފިތްރި ދުވަހެވެ. ރޭގަނޑު، 9:00 އެހާކަންހާއިރު ޕްރިސަންސުގައި އުޅުއްވާ ނަސީރު، އެތާނގެބަހުގައި ޖަވާހިރުވާދީއަށް އައިސް، އަޅުގަނޑުގެ ކޮއްކޮ އަލީރަޝީދު ހުސައިން ޕްރިސަންސަށް ގެންދިޔައެވެ. މިކަމާގުޅިގެން މަގުމައްޗަށް ނުކުތްއިރު މި ވޭނުގައި މަޖީދުގޭ ޓިއުޝަންކްލާސް ހިންގަވާ މަޖީދުސަރ އާއި މ.ލިލަކް އާދަމްފުޅު އެވޭނުގެ ތެރޭގައި އިންނެވިއެވެ.


މިވެރިން މިގެންދަނީ، ކުޑައީދުގެ މުނާސަބަތުގައި މިނިވަންކޮށް ދޫކޮށްލަންކަން އެނގުނެވެ. މިތިންމީހުން ޕްރިސަންސަށް ގެންގޮސް ވާހަކަދައްކާލައި ހެދުމަށް ފަހު، ރައީސް މައުމޫނުގެ ހެޔޮފުޅުކަމުން މިނިވަންކޮށް ދެއްވީކަން އަންގައި ދޫކޮށް ލެއްވީއެވެ. މާގިނައިރުތަކެއް ނުވެ، މިނިވަންވެގެން އަލީ ގެއަށް އަތުވެއްޖެއެވެ. އުފާވެރިރެއެކެވެ. މަންމަ ވަރަށް އުފާކުރެއްވި ރެއެކެވެ. އެނެއްކާވެސް ބަޔަކަށް މިނިވަންކަން ލިބުނީއެވެ. އަދި ހަމަ މިރޭ މ.އޮމަދޫ އިލްޔާސް އަބްދު ﷲ ވެސް މިނިވަންކޮށް ދޫކޮށް ލެއްވިއެވެ. މި އެންމެން މިރޭ މިނިވަން ވީއެވެ.


24 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 822 ވަނަ ދުވަހެވެ. މިއަދަކީ ކުޑައީދު ދުވަހެވެ. ރޭގަނޑު ވަގުތެއްގައި ނައްޓުގެ މަންމަ މުނީރާ، އަޅުގަނޑާ ބައްދަލުކޮށްލަން މިގެއަށް ދުރުވިއެވެ. މުނީރާ އަކީ، އޮގަރު މުހަންމަދު ފުޅުގެ ދޮށީ އަނބިކަނބަލުންނެވެ. ނައްޓުއަކީ، އަޅުގަނޑުގެ ޒަމާންވީ ވަރަށްގާތް ފްރެންޑެކެވެ. އެކުވެރިއެކެވެ. އެއްގޮތުން އެއީ ވަރަށްގާތް ފެމެލީއެކެވެ.


ނައްޓު
ނައްޓު

25 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 823 ވަނަ ދުވަހެވެ. މީގެދެތިން ދުވަހެއް ކުރިން، ޒަކަރިއްޔާޖަމީލްގެ ދަރިފުޅު ސައުދު ﷲ ޖަމީލް (ބޮންޑު) މިނިވަންކޮށް ދޫކޮށްލި ޚަބަރުލިބުނެވެ. ބޮންޑު މި ދޫކޮށްލީ ހުކުމެއް ނީއްވާ މި ވީހާތައްދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުގައި ކަމަށްވެއެވެ.


26 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 824 ވަނަ ދުވަހެވެ. އަދިވެސް ހުންނަނީ ރޯދައަށެވެ. ޝައްވާލުމަހުން، 6 ރޯދަފުރިހަމަ ކުރުމުގެ ނިޔަތުގައެވެ. މިއީ މުޅިއުމުރުގައި ކުރުމަށް ޖަލުގައި ހުރެ ނިޔަތްގަނެފައިވާ އަމަލެކެވެ. މިކަން ކޮންމެ ރޯދަމަހަކަށް ފަހު، އަބަދުވެސް ފުރިހަމަކޮށް ދެއްވާށިއެވެ. އާމީން!


27 މާޗް 1993 ވިހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 825 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް މުޅިންހެން ނިމިއްޖެއެވެ.


28 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 826 ވަނަ ދުވަހެވެ. ގޭގައި ހުރި އިއުލާނު ނަންގަވައިދެއްވާއި ކޮއްކޮ އަލީ ރަޝީދު ހުސައިން މިނިވަންކޮށް ދޫކޮށްލަ ދެއްވިތީ ޝުކުރުދަންނަވައި ރައީސް މައުމޫނަށް މިއަދު ސިޓީއެއްލިޔެ ޕްރިސަންސަށް ރައްދުކޮށް ދެއްވުންއެދި ލީމެވެ.


29 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 827 ވަނަ ދުވަހެވެ. މިއަދަކީ، 6 ރޯދަހަމަވާ ދުވަހެވެ.


30 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 828 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދަވެރިންގެ އީދުދުވަހެވެ. ބަރާބަރަށް ހަރޯދަހިފީމެވެ. އަދި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރަމަޟާން މަހެއްގެ ހަރޯދަހިފުމަށް ހިތުގެއަޑިން ނިޔަތްގަނެ އަޒުމް ކަށަވަރުކުރީމެވެ. އަދި އެއްވެސް ނަމާދެއްނާޅާ މުޅިއުމުރުގައި އެގޮތުގައި ދެމިހުރުމަށް ހިތުގެއަޑިން ނިޔަތްގަނެ އެ ވަރުގަދަ އަޒުމް ކަށަވަރު ކުރީމެވެ.


މިއަދު އަސުރުނާމާދަށް ފަހު، ﷲ އަށް، މިއަޅާގެ މުޅިއުމުރުގައި ރަމަޟާންމަހުގެ ފަރުޟުރޯދައާއި ޝައްވާލު މަހުން، 6 ރޯދަހިފުމުގައި ދެމެހެއްޓެވުމަށް އެދި ދުއާ ދެންނެވީމެވެ. މިއީ، ﷲ އަށް އަޅުގަނޑުވީ ވައުދެކެވެ. އޭ! ﷲ އެވެ! މި ދެއަޅުކަމުގެ މަތީގައި މިއަޅާގެ މުޅިއުމުރަށް ދަމަހައްޓަވާށިއެވެ! އާމީން!


31 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 829 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އާދައިގެމަތީން ގޭގައި ހުރީއެވެ. މިއަދު ކޮޅުބުގައިހުންނަ އީރާނުގެ އެންބަސީން އަޅުގަނޑާ ގުޅިއެވެ. އެއީ އެއެންބަސީގައި ކަލްޗަރަލް އެޓާޗޭއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަޅުގަނޑުގެ ރަހްމަތްތެރިޔާ އައްސައްޔިދު ސާބިގީ ރާއްޖެއަށް މިއަދުގެ ވަގުތެއްގައި ވަޑައިގަންނަވާތީއެވެ.


މީނާއަކީ ކުރީގައި އެންބަސެޑަރަކަށް ހުންނެވިބޭފުޅާ އަޅުގަނޑާ ރައްޓެހިކޮށް ދެއްވި ބޭފުޅެކެވެ. އަދި މާލެއަށް މިވަޑައިގަންނަވަނީ ފުރަތަމަ ފަހަރަށެވެ. އަޅުގަނޑު ސިޔާސީ ބަންދެއްގައި ހުރިކަމާއި އެހެނަސް އަޅުގަނޑުގެ ރަހްމަތްތެރިއެއް ކަމުގައިވާ ސިޔާސީބޭފުޅެއް އެއާޕޯޓަށް މަނިކުފާނާ ބައްދަލުކުރުމަށް ފޯނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އޭނާގެ ނަމަކީ، މިސްޓަރ އާދަމް ރަޝީދު އަހްމަދު ކަމާއި އޭނާގެ ނަންބަރުވެސް އެންބަސީއަށް އެރުވީމެވެ.


1 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 830 ވަނަ ދުވަހެވެ. މިއަދު، ހަންދު އާއި ބިގޭއާ ބައްދަކުކުރުމަށް، މަންމަ އާއި އިބުރޭ އާއި އަލީ ގާމާދޫޖަލަށް ދިޔައެވެ. އެދެމީހުންގެ ހާލުރަނގަޅެވެ. ޖަލުގެ ކަންތައް ރަނގަޅުކަމުގެ ޚަބަރު ގެނެސްދިނެވެ.


2 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 831 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭގައިހުރީއެވެ.


3 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 832 ވަނަ ދުވަހެވެ. މިއަދުމަންމަގެ ނަމުގައި ރައީސް މައުމޫނަށް، ހަންދު އާއި ބިގޭ ގެއަށްބަދަކު ކޮށްދެއްވުން އެދި ސިޓީއެއް ލިޔެ ރައީސްއޮފީހަށް ފޮނުވާލީމެވެ.


4 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 833 ވަނަ ދުވަހެވެ. މިއަދަކީ، އަޅުގަނޑުގެ ރަހްމަތްތެރިޔާ، އައްސައްޔިދު ސާބިގީ މާލެއިން ފުރާވަޑައިގަންނަވާ ދުވަހެވެ. ގޭގައި އިއުލާނުނެތް ނަމަވެސް އޭނާ އަޅުގަނޑުގެ ގެއަށް ވަޑައިގަތުމަށް ދައުވަތު ނާރުވަމެވެ. އިތުރު މައްސަލަތަކެއް ކުރިމަތި ވެދާނެތީއެވެ. މާލޭ އެއަރޕޯޓުން ގ.ތަލްވާރުގޭ އަދާމް ރަޝީދު، ސާބިގީއާ ބައްދަލުކުރެއްވި ގޮތަށް އޭނާ މާލެއިންފުރާ ވަޑައިގަންނަވަންދެން އޭނާ އަރިހުގައި އަޅުގަނޑުގެ ފަރާތުން އާދަމް އުޅުއްވިއެވެ.


އާދަމް ރަޝީދު އެއަރޕޯޓުން އަޅުގަނޑާގުޅިއެވެ. އަދި ސާބިގީ އައި އަޅުގަނޑު ވާހަކަދެއްކީމެވެ. އެއަރޕޯޓުން މާލެ އައިސް، އާދަމް އައީ އަޅުގަނޑުގެ ގާތަށެވެ. ޖަވާހިރުވާދީއަށެވެ. އަޅުގަނޑަށް ސާބިގީ ގެނެސް ދެއްވާފައި ހުރި ބައިވަރު ހަދިޔާ އަޅުގަނޑަށް ގެނެސް ދެއްވިއެވެ. އޭގެތެރޭގައި އިރާނުގެ އެންމެ އަގުބޮޑު ވައްތަރުގެ ފޮނިތޮށި ކޮތަޅަކާއި ކަރަންފޫ ކޮތަޅަކާއި ވަރަށްރީތި ޚަތިމަކާއި ފާރުގައި ބަހައްޓާލޯގަނޑަކައި އެހެން ބައެއްތަކެތި ހިމެނެއެވެ. މިތަކެތި، އާދަމް އަތުގައި އަޅުގަނޑަށް ގެއަށް ފޮނުއްވިއެވެ. އަދި މިތަކެތި އާދަމް ގެނެސްދިނެވެ. މިލޯގަނޑު އަދިވެސް އަޅުގަނޑުގެ ކޮޓަރީގެ ފާރުގައި ހުންނާނެއެވެ. ޚަތިމު ވެސް އެބަ އޮތެވެ. މަންތިރި ޗާޕުކޮށް މާލެ ގެނައުމުގައި ސާބިގީ އަކީ ވަރަށް އެހީތެރި ވެދެއްވި ބޭފުޅެކެވެ.


އީރާނުގެ ހަދިޔާއެއް
އީރާނުގެ ހަދިޔާއެއް

އަދި ރޭގަނޑު ވަގުތެއްގައި އަބްދު ﷲ ހުސައިން ރަށުގެ ގޭބަންދަށް ބަދަލުކޮށް ދެއްވާތޯ އެދިފައި ވާތީ، އެކަންހަމަޖެހިގެން ފުރުވާލުމަށް ގެންދިޔައެވެ. އިރުކޮޅަކު ޕްރިސަންސްގައި ބޭންދުމަށް ފަހު، ގެންގޮސްބޯޓަށް ލީއެވެ. އަބްދު ﷲ ހުސައިނުގެ ރަށުގޭގައި ވެސް އިއުލާނު ބަހައްޓާނެކަން އެންގިއެވެ. އަދިރޭގެ ވަގުތެއްގައި މ.ހުދުއަސުރުމާގެ މުހަންމަދު އާދިލް ޕްރިސަންސަށް ގެންގޮސް، މިނިވަންކޮށް ދޫކޮށްލީ، އަބްދު ﷲ ހުސައިން އެ އޮފީހުގައި އިންދައެވެ. މިޚަބަރު ވަގުތުން އަޅުގަނޑު މެންނަށް ޖަވާހިރުވާދީއަށް ލިބުނެވެ.


5 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 834 ވަނަ ދުވަހެވެ. ވަކި ޚާއްސަކަމެއް ނެތެވެ. ގިނަވަގުތު ހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތެވެ.


6 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 835 ވަނަ ދުވަހެވެ. މިއަދުވެސް ގިނަވަގުތު ހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތުގައެވެ. ބޭރުގައި ހުންނެވި ސިޔާސީބޭފުޅެއްގެ އެދުމަކަށް ޖަލުގެ ޚަބަރުތަކާއި އެ މާހައުލުގެ ކަންތައް ހުރިގޮތުގެ ރިޕޯޓެއް ހެދުމުގެ މަސައްކަތުގައެވެ.


7 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 836 ވަނަ ދުވަހެވެ. މިއަދު މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލީސިޓީގެ ޖަވާބު ދެއްވިއެވެ. ވިދާޅުވެފައި ވަނީ، “ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމުން އެ ދިރާސާކޮށްފައި ނޫނީ ފުރިހަމަ ޖަވާބެއް ދެވޭ ކަށްނެތް” ކަމަށެވެ.


މިއީ ސިޔާސީކުށް ވެރިއެއްތޯ ނުވަތަ ޓެރަރިސްޓެއްތޯ ކަނޑައަޅައި ދެއްވުމަށް ލީ ސިޓީގެ ޖަވާބެވެ. އަޅުގަނޑު ބޭނުންވަނީ، ސަރުކާރުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެކޭ ރަސްމީކޮށް ލިޔުމުން ބުނުވާށެވެ. މިޖަވާބަކީ، ވަރަށް ރޭވުމަށް ފަހު ދެއްވި ސިޔާސީ ޖަވާބެއްކަން ކަށަވަރެވެ.


މިރޭ، 10:30 އެހާ ކަންހާއިރު ހަމަޖެހިލައިގެންއޮވެ، ދެވަނަ ފަހަރަށް، ޒަރާނާއާ ގުޅީމެވެ. ތަންކޮޅެއް ގިނައިން ވާހަކަދައްކާ ލުމުގެ ނިޔަތުގައެވެ. ގުޅާލުމަށް އެދިފައި އޮތުމުންނެވެ. ވަގުތުން ފޯނު ނެންގެވިއެވެ. ވަރަށްދިގުކޮށް ވަރަށްގިނަ ވާހަކަތައް އިޚްލާސްތެރިކަމާ އެކު ދެއްކުމަށް ފަހު، އިލްޔާސަށް ވީނުވީގޮތެއް ނޭގުނީމާ މިހާރު މި އުޅެނީ، މ.ރަތްވިލާގޭ އަހްމަދު އާސިފު ކިޔާ ކުއްޖަކާ ރަށްޓެހިވެގެން އިންނާށޭ ބުނެދެއްވިއެވެ.


އަދި، މިހާރު އޮތީ އިންނާނެ ދުވަހެއް ކަނޑައެޅި ހުރިހާކަމެއް ހަމަޖެހިފައި ކަމަށް ވެސް ބުނެދިނެވެ. މިވަގުތަކީ އަޅުގަނޑުގެ ހިތުތެރެއަށް އެހެން ކަހަލަ އިހްސާސްތަކެއް ވެރިވެގެން ދިޔަ ހިނދުކޮޅެކެވެ. ކަންވާނީ ވެސް އެހެންނެވެ. އަސަރުތަކެއް ކުރިއެވެ. އަދި ކުރީ ރޭ ގުޅީމައި އިލްޔާސް ކައިރީގައި އެވާހަކަބުނަން އެރޭ ނުކެރުނީ ކަމަށް ބުނެދިނެވެ. ފަހުންގުޅަން އެދުނީ އެހެންވެއެވެ. މިކަމުގައި ޒަރާނާގެ އެއްވެސް ގޯހެއް ނެތްކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރީމެވެ. އާދެ، އަޅުގަނޑުމެންނީ ވަޢުދުތަކެއްވެ އޭގެ މަތީގައި ދެމި ތިބި ބަޔަކަށް ނުވާތީ ގުދުރަތް ނިޔާ ކުރެއްވި ގޮތަކީ ދެފަރާތަށް ވެސް އެންމެ ހެޔޮގޮތް ކަމުގައި ނިންމީއެވެ.


އަޅުގަނޑަކީ އަބަދުވެސް ތާއަބަދަށް ޒަރާނާގެ ރަހްމަތްތެރި އެކެވެ. ގާތް އެކުވެރިއެކެވެ. އިން ޝާ ﷲ އޭ ވެސް ބުނެ ވުނެވެ. ދެން ނިންމާ ލައްވަމުން ބުނެދެއްވީ، އިންނަންއުޅޭ ކުއްޖަކީ، އެގެއާ ކައިރި ހިސާބެއްގައި ހުންނަ މަޖީދީމަގު، 70 ނަންބަރު ފިހާރައިގެ ވެރިމީހާގެ ދަރިފުޅެއްކަން ވެސް ބުނެދިނެވެ. މިހާރު ގިނަވަގުތުގައި ސޭޓަކަށް އިންނާނީ އޭނަކަމުގައި ވެސް ބުނެދިނެވެ. އަދި އެއީ އާސިފުކަމަށް ބުނެދިނެވެ. އިލްޔާސް ރައްޓެހިވާން ޖެހޭނެ އޭ ވެސް ބުންޏެވެ. ވަކިވީ ސަލާމްގަލާމަށް ފަހު އާއިލާއަށް ވެސް ހެޔޮއެދުން ފޮނުވާފައެވެ.


ޚަބަރު ބަލައިލި އިރު މި އާސިފަކީ، މ.ރަތްވިލާ ކަޅުބޭގެ ދަރިފުޅެކެވެ. އެ އާއިލާ އަކީ، އަޅުގަނޑުގެ މާމަފުށުން، ތ.އޮމަދޫ އާއި ތ.ކަނޑޫދޫ ފަޅިން، އަޅުގަނޑު މެންނާ ދުރުތާ ތިމާގެ ބައެކެވެ. ކަޅުބެއަކީ އަލިބެ (އަލީ އަބްދު ﷲ) ގެ މަންމަ އައިސަދައިތައާ ވަރަށް ތިމާގެ ބޭފުޅެކެވެ. އައިސަދައިތަ އަކީ އަހުރެންގެ މާމަގެ އެއްބަނޑުއެއްބަފާ ބޭބެ، ތ.އޮމަދޫ އާދަމްކަލޭފާނުގެ އެންމެ ދޮށީދަރިފުޅެވެ.


8 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 837 ވަނަ ދުވަހެވެ. ގިނަވަގުތު ހޭދަކުރީ ލިޔުމުގައެވެ. ބޭރަށް ފޮނުވުމަށް ލިޔާ ރިޕޯޓު ތައްޔާރު ކުރުމުގައެވެ.


9 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 838 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ.


10 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 839 ވަނަ ދުވަހެވެ. މިއަދު އެޑޮލްފްހިޓްލަރ ވައްތަރުގެ މަތިމަސްބާލާއި ތުނބުޅި ވެސް އެކުގައި ބާލާލީމެވެ. ހުންނަވައްތަރު ބަލާލާށެވެ. މިއަދު މިގޮތަށް ހުރެ ފޮޓޯއެއް ނެގީމެވެ.


މަތިމަސް ނެތިފައި
މަތިމަސް ނެތިފައި

17 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 846 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހު ކުރި މަސައްކަތަކީ މުޅިންވެސް ލިޔެކިޔުމުގެ މަސައްކަތެވެ. މިއަދު ހަވީރު ތުރުކީގެ ރައީސް ތުރުގަތްއޮޒާލޭ އަވަހާރަވެގެން ރާއްޖޭގައި އެކަމުގެ ހިތާމަ ރަސްމީކޮށް ފާޅުކުރުމަށް ނިންމެވި ޚަބަރު ރޭޑިޔޯއިން އިވުނެވެ.


18 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 847 ވަނަ ދުވަހެވެ. ތުރުގަތް އަވަހާރަވުމާ ގުޅިގެން އެމުނާސަބަތުގައި މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ހިތާމައިގައެވެ.


19 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 848 ވަނަ ދުވަހެވެ. އިއްޔެ އާއި މިއަދު އަދި މާދަމާ ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާއި އެކަންކުރެއްވި ޚަބަރު ރޭޑިޔޯއިން ކިޔެވެ. މިކަންތައް ސަރުކާރުން ކުރެއްވީ އިސްލާމީ ގައުމެއްގެ ރައީސަކަށް ތުރުގަތްއޮޒާލޭ ވާތީއެވެ.


20 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 849 ވަނަ ދުވަހެވެ. މިއަދު މަންމަ އާއި އިފްހާމާއި އަލީ އާއި އަންދި އާއި ނީޝާން، މި އެންމެން ބ.އޭދަފުށީގައި ތިބެފައި ގެއާ ގުޅިއެވެ. އަޅުގަނޑު ވެސް ވާހަކަ ދެއްކީމެވެ. މާދަމާ މާލެއަށް އަންނަ ވާހަކަ ބުންޏެވެ. މިއީ މަޖަލަށް އަންދި އާއެކު އަންދިގެ ރަށަށްކޮށްލި ދަތުރެކެވެ.


21 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 850 ވަނަ ދުވަހެވެ. ގަވައިދުން ކަސްރަތުކުރަން އާދަވެފައިހުރީމާ ކަސްރަތު ކުރަން، ގޭގައި ވެސް ފަށައިފީމެވެ. ކުރިންވިއްޔާ ގަރާޖްހެދުމުގެ މަސައްކަތުގައި އުޅޭތީ ވަރަށް ކަސްރަތު ލިބެއެވެ. އެހެނަސް މިހާރު އަބަދުވެސް ލިޔެކިޔުމުގެ މަސައްކަތުގައި އަބަދު އިށީނދެ އިންނާތީ ވަރަށް ކަސްރަތު ބޭނުންވެއެވެ. އެދުވަސްވަރު އަބަދުވެސް ގިނައިން އަޅުގަނޑު ކޮށްއުޅެނީ ޔޯގާގެ އެކި ކަސްރަތުތަކެވެ.


22 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 851 ވަނަ ދުވަހެވެ. ފަތިސް ނަމާދަށް ފަހު، ކަސްތަރު ކުރީމެވެ. ބޮޑަށް ބޭނުން ކުރީ ޔޯގާގެ ވައްތަރުތަކެވެ.


23 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 852 ވަނަ ދުވަހެވެ. އާދައިގެ މަތިން ދިޔަ ދުވަހެކެވެ.


24 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށް ނުލާ ހުންނަތާ، 853 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރީ “މަން ޤަތަލައް ސާދާތު” މިފޮތް ކިޔުމުގައެވެ.


ފޮތް، މަންޤަތަލައްސާދާތް
ފޮތް، މަންޤަތަލައްސާދާތް

މިއީ މިސުރުގެ ނޫސްވެރިޔަކު، ސާދާތު މަރާލި ޒުވާން ޢަސްކަރީން ޖަލުގެ ބަންދުގައި ތިބި ދުވަސްވަރު އެމީހުންނާ ކުރި އިންޓަރވިއޫ ތަކުގެ މައްޗަށް އަރަބިބަހުން ލިޔެފައިވާ ފޮތެކެވެ. ޚާލިދު އަލްއިސްލާމްބޫލީ އޭކިޔުނު ޒުވާން ސިފައިންގެ އޮފިސަރެއް ސާދާތު މަރާލުމަށް ނިޔަތްގަނެ އެކަންތައް ތަންފީޒު ކުރުމަށް މަސައްކަތްފެށި ދުވަހަކީ، އަންވަރުއްސާދާތު، އިޒުރޭލުމީހުން އަރަބިންގެ އަތުން، ގަދަކަމުން ފޭރިގަނެ، އަތުލައިގަނެގެން އުޅޭ އިސްރާއީލުގެ ބިމަށް ޒިޔާރަތްކޮށް ޔަހޫދީންނާއެކު އެއްބަސްވެ ގުޅުން އެފެއްދި ދުވަހުން ފެށިގެންނެވެ.


އޮފިސަރު، ފަސްޓްލެފްޓިނެންޓު ޚާލިދު އަލްއިސްލާމްބޫލީ. خالد الإسلامبولي ބުނެފައިވާ ގޮތުން، އޭނާ މިކަންތައް އަމަލީސިފައަކަށް ގެނައުމަށް ނުކުތީ، ﷲ އަށް ދުއާ ދެންނެވުމަށް ފަހު، ޖިހާދުކުރުމުގެ މަތިވެރި ނިޔަތުގައެވެ. އަދި މި މަސައްކަތައް، ދުވަހުން ދުވަހަށް ދިޔައީ މަގުފަހި ވަމުންކަމަށް އޭނާއަށް ހަވާލާދީ މިފޮތުގައި ލިޔެފައި ވެއެވެ.


އެންމެފަހު ދުވަހު، އަންވަރުއްސާދާތު މަރާލެވުނު، ޕެރޭޑަށް ނުކުތްއިރު ޚާލިދާއި އޭނާގެ އެކުވެރިން، ދިރޭވަޒަންތަކާއި އަމާޒަށް ޖަހަން ބޭނުންކުރާ ބަޑި ފޮރުވާފައި އޮތް ޖީޕު ފާސްކޮށް ބެލި އިރު އޭނާ އިނީ، ﷲ އަށް ދުއާކުރުން މަތީގައި ކަމަށް އޭނާ ނޫސްވެރިޔާ އަށް ބުނެދީފައިވާ ކަމަށް އެފޮތުގައި ލިޔެފައިވެއެވެ.


އަދި ޚާލިދުގެ އަތުލިޔުންތައް އެފޮތުގައި ފޮތްލިޔުނު ނޫސްވެރިޔާ ހިމަނާފައިވެއެވެ. އެޖީޕަށް ފާސްކުރަން އެރި ސިފައިން ޖީޕުތެރެ ފާސްކުރުމުގެ ގޮތުން ބަލާލައިފާ އެނބުރިދިޔައީ ޚާލިދަށް އުފާވެރި ދުވަހަކަށް އެދެމުންނެވެ. އަދި އޭނާ މިޕެރޭޑަށް ނުކުތުމަށް ސިފައިންގެ ކޭމްޕަށް އައިމަގުމަތީގައި އޭނާގެޖީބުގައި އެންމެފަހުން ހުރި ފައިސާކޮޅު ފަގީރަކަށް ސަދަގާތް ކުރުމުން އެނިކަމެތި މީހަގެ ދުއާއަކީ، ވެސް ޚާލިދު ތިޔަކުރާ މަސައްކަތުގައި، ﷲ ބަރަކާތް ލެއްވުމެވެ. ޚާލިދަށް، ﷲ ކާމިޔާބު ކުރައްވާއި މާފުދެއްވާށިއެވެ! އާމީން!


25 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 854 ވަނަ ދުވަހެވެ. މިއަދު ސިސިލްފަރު ނައްޓުއާ ގުޅައިގެން ވަރަށްގިނަ ވާހަކަތައް ދެއްކީމެވެ. މިގެއަށް ޖައްސާލާނަމޭ ވެސް ނައްޓު ބުންޏެވެ.


26 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 855 ވަނަ ދުވަހެވެ. ފަތިސް ނަމާދަށް ފަހު، ގަވައިދުން ކޮންމެ ދުވަހަކު ވެސް ޔޯގާކަސްރަތު ބުރެއް ބާއްވަމެވެ. މިހާރު މި ކަންތައް ވަނީ އަނެއްކާ ވެސް އާދަޔަކަށް ވެފައެވެ.


27 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 856 ވަނަ ދުވަހެވެ. ތައްޔާރު ކުރި "ޖަލާބެހޭ ރިޕޯޓު" މުޅިންނިންމާފަ ރީތިކޮށްލިޔެފަ ރައްދުކުރަން ޖެހޭ ފަރާތާ މިއަދު ހަވާލު ކުރީމެވެ. މިއީ ތަފްސީލުކޮށް ލިޔެވުނު ވަރަށް ފުރިހަމަ ރިޕޯޓެކެވެ. އެމްނެސްޓީ އިންޓަރނޭޝަނަލަށް މިރިޕޯޓު ލިބޭނެކަން ޔަގީނެވެ. ރައްދުވާނެއެވެ. ވަރަށްބޮޑު މަސައްކަތެއް ފުރިހަމަކޮށް ނިންމާލެވުނީއެވެ. މި ރިޕޯޓުގައި އަޅުގަނޑަށް ޖަލުންފެނުނު މަންޒަރުތަކާއި އަޅުގަނޑުމެންނަށް ދެއްކި އަޒާބުތަކާއި އިންސާނިއްޔަތާ ޚިލާފަށް ކުރި ހުރިހާކަމެއްގެ ވާހަކަތައް ހިމަނާފައި ހުންނާނެއެވެ.


އަނިޔާ ކުރުމަށް އެޅުވުމަން ގެންގުޅުނު ބިޑިތަކުގެ ފޮޓޯތަކާއި އަނދަގޮނޑީގެ ބާވަތްތަކުގެ އަތުކުރެހުންތައް ވެސް ހުންނާނެއެވެ. މިކުރެހުންތައް މިހާރުވެސް އަޅުގަނޑު އަތުގައިއޮންނަ “ކަނޑުފަޅު ފީނުމަށް ފަހު” މިފޮތުގައި ނޯޓުކޮށް، އަތުންލިޔެފައި އަދި މަންޒަރު ކުރަހާފައި ހުންނާނެއެވެ. މިއީ ބައެއް ނޯޓުތައް ނޯޓުކުރުމަށް ޖަލުގައި ގެންގުޅުނު ތަންކޮޅެއް ބޮޑުފޮތެކެވެ.


މިބައިތަށް މިފޮތަށްނެގީ ގާމާދޫޖަލުގަޔާއި ގޭގައި ބަންދުވެ ހުރި ދުވަސް ވަރުގައެވެ. ގެއަށް ބަދަލު ކުރީ، އެއްވެސް ކަހަލަ ފާސްކުރުމަކާ ނުލާކަމުން މިފޮތް އިސްތަފާމެންނަށް ފެނިފައެއް ނުވާނެއެވެ. މިފޮތުގައި މުހިންމުނޯޓުތައް ލިޔަން ފެށީ ގާމާދޫ ޖަލުގައި ހުރެގެންނެވެ.


28 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 857 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް އަޅުގަނޑުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުލިބުން ލަސްވެގެންދާތި އަވަސްކޮށް ދެއްވުން އެދި ސިޓީއެއް ލިޔުނީމެވެ. މި ރިޕޯޓުދިނުން ލަސްކުރަމުން ގެންދަނީ ގަސްދުގައެވެ. އަޅުގަނޑު ކުރިންލީ ސިޓީއަށް އިސްތަފާ ދެއްވާފައިވާ ޖަވާބަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމުން އެރިޕޯޓަށް ބަލާފައި ޖަވާބެއްދޭނެ ކަމަށެވެ. މިޖަވާބު ލިބުނު ދުވަހު އަޅުގަނޑު ވާނީ މި ރިޕޯޓު ލިބުން ލަސްވެގެން ދާނެކަން ޔަގީންކޮށްފައެވެ.


އަދި އުދަގުލުންނޫނީ ނުލިބޭނެ އެއްޗެއްކަން އަޅުގަނޑަށްވަނީ ކަށަވަރު ވެފައެވެ. މިއީ އިސްތަފާމެން އިސްކޮށް ތިއްބަވައިގެން ކޯޓުތަކާ ގުޅިގެން ހިންގާ ހީލަތްތެރި ޖަރީމާތަކެވެ. އިންސާނުންގެ ހައްގުތަކަށް އަޅުއްވަމުން ގެންދަވާ ހުރަސްތަކެވެ. މިކަހަލަ ހީލަތްތަކަށް އަޅުގަނޑު ދީފައިވާ ނަމަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ “ޝަރުއީޙީލަތް” ތަކެވެ. މަސްނޫއީހީލަތްތަކެވެ. ރައްޔިތާއަށް އަނިޔާކުރުމަށް ހީލަތްތެރިކަން ބޭނުންކޮށްގެން ރާވާ ނުލަފާ ކަންތަކެވެ. ނުސީދާ އަނިޔާއެވެ.


29 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 858 ވަނަ ދުވަހެވެ. މިއަދު ބިގޭގެ ސިޓީއެއް ޖަލުން މަންމައަށް ލިބުނެވެ. އެސިޓީގައި ބިގޭ ލިޔެފައި ވަނީ، ދޮޅުމަސް ދުވަހަށް، ރ.ކިނޮޅޮހަށް ދިވެހި ބޭސް ފަރުވާ ކުރުމަށް ފޮނުވައިދޭ ގޮތަށް، ޕްރިސަންސުން ހުއްދަދެއްވި ވާހަކައެވެ. މިގޮތަށް ހުއްދަ ދެއްވީ ބިގޭ ސިޓިއަކުން އެކަމަށް އެދިގެންކަމަށް ލިޔެފައިއޮތެވެ.


މިސިޓީލިބުމުން މަންމަ އާއި އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވިއެވެ. ފުރުމުގެކުރިން އެއްދުވަހަށް ގެއަށް ގެނެސްދޭނެ ކަމަށްވެއެވެ. ދަތުރު ތައްޔާރު ކުރުމަށް ފަހު، ޕްރިސަންސަށް އެންގުމުން އެކަން ހަމަޖައްސައި ދެއްވާނެ ކަމަށް ވެއެވެ. ކޮންމެ އަކަސް މިއީ އަޅުގަނޑުމެންނަށް ލިބުނު އުފަލެކެވެ. މަންމަ އާއި މާމަ ވަރަށް އުފާ ކުރި ކަމެކެވެ.


30 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 859 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


1 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 860 ވަނަ ދުވަހެވެ. މިއަދަކީ މެއިޑޭއެވެ. މަސައްކަތްތެރިންގެ ދުވަހެވެ. ދުނިޔޭގެ އެތަންމިތަނުގައި މިކަން ފާހަގަ ކުރި ޚަބަރުތައް ރޭޑިޔޯއިން އަހާއި ޓީވީންބެލީމެވެ.


2 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 861 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.


3 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 862 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ކޯޓުނަންބަރު ހައަކުން ފޯނުކޮށްފައި ޝަރީއަތް ނިމުނުގޮތުގެ ރޮޕޯޓު ހަވާލު ކުރަން ބޭނުން ވާތީ، އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް ދީފައި މީހަކު ކޯޓަށް ފޮނުވުމުން، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ތިޔަފަރާތަށް ރައްދު ކުރުމަށް ޕްރިސަންސަށް ފޮނުވޭނެ ވާހަކަބުންޏެވެ.


ހަމައެވަގުތު މީހަކުލައްވާ ރެވެނިއު ސްޓެންޕެއް ގަނެފައި ކޯޓައި ހަވާލުކުރުމުން އެރިޕޯޓު ޕްރިސަންސް މެދުވެރިކޮށް އަޅުގަނޑަށް މިއަދުގެ ވަގުތެއްގައި ލިބުނެވެ. ރިޕޯޓުގެނެސް އަޅުގަނޑާ ހަވާލު ކުރީ ޕްރިސަންސުންނެވެ. މި ރިޕޯޓަކީ ސަލްޓަންޕާކްގައި ގޮއްވާލި ގެވެހިކަޓޫރަ ބޮމުގެ ކަންތައް އެނގިހުރެ ނާންގައިގެން އިއްވުނު ހުކުމުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓެވެ. މި ރިޕޯޓު ބައްލަވާލައްވާށެވެ. މިއީވަރަށް ދިގުއެއްޗެކެވެ. އެހެނަސް ސައިޓަށް ލެވޭތޯބަލާނަމެވެ.


މިއަދު މެންދުރު ވަގުތެއްގައި ބިގޭ ގެއަށް ގެނައެވެ. ރ.ކިނޮޅަހަށް ދިވެހިބޭސް ކުރުމަށް ފުރުވާލުމަށެވެ. މިރޭ ފަތިހު ފުރާދޯންޏަކުން ބިގޭ ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެދޯންޏަކީ، ރ.ކަނދޮޅުދޫ ޒާހިރުބޭގެ ދޯންޏެވެ. އިރު އޮއްސެނިކޮށް ކަނދޮޅުދޫން، ޒަހީނުބޭ މާލެއަށް ދުރުވިއެވެ. ބިގޭ އާއެކު މަންމަވެސް ގޮވައިގެން ކިނޮޅޮހަށް އެމީހުން ލާން ދިއުމަށެވެ. ޒަހީނުބޭ އަންނަމުން އަޅުގަނޑު ބުނެގެން ދެ އަސާގަނޑު ވަޑިއަކުލައްވާ ހައްދައިގެން ގެނެސްދިނެވެ.


މިއީ އަޅުގަނޑުގެ އުނަގަނޑަށް ތަދުވާތީ، ހިންގާއިރު ބޭނުންކުރުމަށް ހޯދި އެއްޗެކެވެ. ޖަލުގައި ހުރި އިރު، އެދުވަސްވަރު ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަކުގެ އަސަރުތައް މިހާރުވެސް ހުރެއެވެ. ވިއްސާރަވެ ފިނިވީމާ އުނަގަނޑަށް މައިބަދައަށް އަމިއްލައަށް ތަދުއަރައެވެ. ދުރަށް ހިނގާބިނގާވެ އުޅެން ޖެހެނީ އަސާގަނޑެއްގެ އެހީގައެވެ. އޭގެ އެހީ ހޯދައިގެންނެވެ. އޭރުން ތަންކޮޅެއް ނަމަވެސް ފަސޭހަވާހެން ހީވާތީއެވެ. މިދެއަސާގަނޑުގެ ދެކޮޅުގައި ފިލިއަޅުވައި ރީތިކޮށްލީއެވެ.


އެ އަސާ މިހާރުވެސް ބައެއްފަހަރު ބޭނުންކުރަން
އެ އަސާ މިހާރުވެސް ބައެއްފަހަރު ބޭނުންކުރަން

މިކަންކޮށް ދެއްވީ، މ.ޖަވާހިރުވިލާ ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އަޅުގަނޑުމެން އެންމެން ބަންދު ވުމުން ޖަވާހިރުވާދީ ގައި ހުރި ބައިސްކަލް މަރާމާތުކުރާ ގަރާޖު ހިންގައި ދިނީ ހޫއްޓޭއެވެ. ފަހުން، ހޫއްޓޭ އެދުނު ގޮތުގެ މަތިން އެއްބަސް ވުމަށް ފަހު، މިގަރާޖް އޭނާގެ ގެއަށް ޖަވާހިރުވިލާއަށް ބަދަލުކުރުމުގެ ހުއްދަ ދިނީއެވެ. މިހާރު އެ ގަރާޖަކީ ޖަވާހިރުވިލާ ގައި އެ ހުންނަ ހޫޓެކްގަރާޖެވެ. ހޫއްޓޭއަކީ އަޅުގަނޑުމެންގެ ބޮޑުދައިތަގެ ދޮށީ ފިރިހެން ދަރިފުޅެކެވެ. ހޫއްޓެ މި ދެ އަސާގަނޑު ވަރަށްރީތިކޮށް ދެކޮޅުގައި ފިލިތައް ލުމަށް ފަހު، ވަރުނީސްކޮށް ހަދައިދިނެވެ. ދޫކޮށް ލުމުން ބޭނުންކުރުމަށް ރެޑީ ކުރީއެވެ.


4 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 863 ވަނަ ދުވަހެވެ. މިއަދު ވަރަށްފަތިހުގެ ވަގުތެއްގައި ބިގޭ ފުރުވާލެވުނެވެ. ބިގޭ އާއެކު މަންމަ އާއި ޒަހީނުބޭ ކިނޮޅޮހަށް ދިޔައެވެ. ދިވެހި ބޭސްވެރި ކަމަށެވެ. ބިގޭ އަށް ވެސް ބޮޑު މިނިވަން ކަމެއް ލިބުނީއެވެ.


5 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 864 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. ގޭގައި ކުޑަގޮތަކަށް މިކަންފާހަގަ ކުރިއެވެ. އުމުރުން ބަރާބަރު، 36 އަހަރު ފުރުނީއެވެ. ކައިވެނި ނުކޮށް ހުރެ ދުވަސްތައް މިއޮއް ގެއްލި ދަނީއެވެ. އެންމެ މުހިންމު ދުވަސްވަރު މިދިޔައީ ޖަލުގައެވެ. އެހެނަސް އެކަމާ ހިތާމަކޮށް ދެރައެއް ނުވެއެވެ. މިއީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރެވުނު ޖިހާދެއްކަން އަޅުގަނޑު ހިތުގެއަޑިން ވަރަށް ރަނގަޅަށް ގަބޫލުކުރަމެވެ.


މީހަކަށް، މީހެއްގެ މުދަލަކަށް، އެއްޗަކަށް ގެންލުންދީ ވައްކަންކޮށް ފޭރިހަދާއިގެން ލިބުނު އަނިޔާއެއް ނޯންނާނެއެވެ. ކޮރަޕްޝަނެއް ނޯންނާނެއެވެ. ފަސާދައެއް ނޯންނާނެއެވެ. އަޅުގަނޑަކީ، ވަރަށް ސާފުސީދާ ގައުމީޚިދުމަތުގައި ދެމިހުރި މީހެކެވެ. އަބަދުވެސް އަމަލު ބަހައްޓަފައި ހުންނާނީ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށެވެ. އިސްލާމްދީނަށާއި ދިވެހިރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އާދެ! އަޅުގަނޑު އުފަންވީ، 5 މެއި 1957 ގައެވެ.


6 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 865 ވަނަ ދުވަހެވެ. މިއަދުންފެށިގެން އަނެއްކާވެސް މަތިމަހާއި ތުނބުޅި ނުބާލާއި ނުކޮށައި ދިގުވާން ދޫކޮށްލީމެވެ. ރީތިވަރަކަށް ރީތި ސިފައަކަށް ބެހެއްޓުމުގެ ބޭނުމުގައެވެ.


7 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 866 ވަނަ ދުވަހެވެ. ބިގޭމެންގެ ހާލުރަނގަޅު ކަމަށް ކިނޮޅޮހުން މާލެއައި ބަޔަކު ބުނެދިނެވެ. ބިގޭގައިގާ ބޭސްބަނުމުގެ މަސައްކަތް ކުރިޔަށްދާ ޚަބަރުލިބުނެވެ.


8 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 867 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


9 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 868 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.


10 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 869 ވަނަ ދުވަހެވެ. މިއަދު ލަކްސްލީން މަސްއޫދާއި ޕައިލެޓްނައީމް މިނިވަންކޮށް ދޫކޮށްލި ޚަބަރު ލިބުނެވެ. ނައީމަކީ، ސިޔާސީ އެހެން މައްސަލައެއްގައި ބަންދުވެ ހުކުމް އިއްވިފައި ހުންނެވި ބޭފުޅެކެވެ

.

11 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 870 ވަނަ ދުވަހެވެ. ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ.


12 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 871 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރެވުނީ، އެޑޮލްފްހިޓްލަރ ލިޔުއްވި ފޮތުގެއަރަބި ތަރުޖަމާ “ކިފާޙީ” މިފޮތް މުތާލިއާ ކުރުމުގައެވެ.


ހިޓްލަރުގެ ކިފާޙީ
ހިޓްލަރުގެ ކިފާޙީ

13 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 872 ވަނަ ދުވަހެވެ. ރ.އަތޮޅު ކިނޮޅޮހުން، މިއަދު މަންމަ އާއި ޒަހީނުބެއައި ދެމީހުން، ބިގޭ އެރަށުގައި ބެހެއްޓުމަށް ފަހު، މާލެއަށް އެނބުރިއައެވެ. ބިގޭގެ ހާލު މުޅިން ރަނގަޅެވެ. ވަރުގަދައަށް ބޭސްކުރަމުން ގެންދާކަމަށް މަންމަ ބުންޏެވެ. އަދި މިއަދު އިބުރޭ އާއި އަލީ ގާމާދޫ ޖަލަށް ހަންދުއާ ބައްދަލުކުރުމަށް ދިޔައެވެ. ހަންދުގެ ހުރިހާކަމެއް ވެސް ރަގަޅެވެ.


ރޭގަނޑުގެ ވަގުތެއްގައި ކެޕްޓަން އަބްދު ﷲ މުއާޒު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ޕްރިސަންސަށް ގެންގޮސް އިސްތަފާ ވަރަށްވާހަކަ ދެއްކެވުމަށް ފަހު، ދޫކޮށްލީކަމަށް މުއާޒުގެ ފަރާތުން ޚަބަރުލިބުނެވެ. އަދި މިއަދު މިގެއަށް، ސައަދު ﷲ ޖަމީލު (ބޮންޑު) އަޅުގަނޑާ ބައްދަލުކޮށް ލުމަށް ޒިޔާރަތް ކުރެއްވިއެވެ.


އޭނާބުނީ، ތިރީކޯޓުން އޭނާގެ މައްޗަށް އުޅެއުޅެވެސް ހުކުމް އިއްވޭނެ ޖާގައެއް ނެތިގެން ހުކުމް ނީއްވުނީ ކަމަށެވެ. ތިރީކޯޓުން މިކަން ނުވީމާ ހައިކޯޓަށް ފޮނުވައިގެން ހުކުމް އިއްވޭތޯވެސް ބެލިކަމަށް ބޮންޑު ބުންޏެވެ. ހައިކޯޓުން ވެސް ކުރިޔަށް ނުގެންދެވުނީއެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތިގެންނެވެ. ފުލުހުން ނަގާފައި އޮތް ބަޔާނަށް އެހެން މީހެއްގެ ހެކިބަސް ނެތުމުން ބަލައިނުގަތީއެވެ.


14 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 873 ވަނަ ދުވަހެވެ. ހޫއްޓޭ ގެންދިޔަ އަސާތައް ވަރަށްރީއްޗަށް ދެކޮޅުގައި އިފިލިއަޅުވާއި ވަރުނީސްލާއި އޮފްކޮށްލައިގެން އަޅުގަނޑަށް ގެނެސްދިނެވެ. ވަރަށްރީއްޗެވެ. ދިގުކޮށް ހިނގަން ޖެހޭ، ހިނގާބިނގާވުން ތަކުގައި މިތަނުން އެންމެ ރީތި އަސާގަނޑު ހިފައިގެންނޫނީ މަގުމައްޗަށް ނުނިކުންނަން ނިންމައިގެން ގޭގައި ހުރީއެވެ.


15 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 874 ވަނަ ދުވަހެވެ. މިއަދު ހަންދު، މާލެއަށް ހޮސްޕިޓަލަށް ގެނައެވެ. ކަކުލެއްގެ މައްސަލައިގައެވެ. މާބޮޑަށް ތަދުވާތީއެވެ.


16 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 875 ވަނަ ދުވަހެވެ. ހަންދުގެކަނާއަތު ފައިގެކަކުލުގައި ތަދުގަނޑެއް އުޅޭތީ މާދަމާ މާލެއަށް ގެނެސް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޕްރިސަންސުން ގުޅާފައި މިއަދު ގެއަށް އެންގިއެވެ.


17 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 876 ވަނަ ދުވަހެވެ. ހަންދުމާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ކަނާއަތު ފައިގެ ކަކޫ އޮޕަރޭޝަން ކުރުމަށެވެ. އޮޕަރޭޝަން ކުރަން ނިންމާފައި އޮތީ، މެންދުރުން އަނބުރާ އެއްގަޑިބައިގައެވެ. އަދި އެއްގަޑި އިރުތެރޭގައި އޮޕަރޭޝަން ނިމޭނެކަމުގެ ޚަބަރުދިނެވެ. އެއްގަޑިއިރަށް ވުރެކުރިން އޮޕަރޭޝަން ނިމިގެން ހަންދުނެރެ ކޮޓަރިއެއްގައި އެޑްމިޓް ކުރީއެވެ. ހަންދުބުނީ މާބޮޑުކަމެއް ނޫންކަމަށެވެ. ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ.


މަންމަމެން އެންމެން ތިބީ ހޮސްޕިޓަލުގައެވެ. މިއަދަކީ ފުދޭވަރަކަށް ވިއްސާރަ ދުވަހެކެވެ. އަޅުގަނޑު މިއަދު ކުރި އެންމެ މުހިންމު މަސައްކަތަކީ، ރައީސް މައުމޫނަށް މިހާރުގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ދިގު ސިޓީއެއް ލިޔުމެވެ. މި ސިޓީލިޔެ ނިންމާފައި ދެތިންފަހަރު ކިޔާއި އިތުރު އިސްލާހުތައް ގެނައުމަށް ފަހު، ފޮނުވާލީމެވެ. މިއީ މިދުވަސްވަރުގެ ސިޔާސީ މަސްރަޙާގުޅިގެން އަޅުގަނޑުގެ ހިތުތެރޭގައި ހިނގަމުންދިޔާ އުދާސްތަކަކާއި އިހްސާސް ތަކެއްގެ ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކަތަކެކެވެ.


މާލެތެރޭގައި ބަޔަކުމީހުން، އެންދެރިމާގޭ އިލްޔާސް ވެރިކަމަށް ގެނައުމަށް ކުރަމުން ގެންދިޔަ މަސައްކަތްތަކެއްގެ ވާހަކަތަކެވެ. އެސިޓީ ބައްލަވާލައްވާށެވެ! ސްކޭންކޮޕީއެއް ސައިޓްގައި އަޕްލޯޑުކުރާނަމެވެ. މިއީ ބަންދުގައި ހުރެގެން އަޅުގަނޑުގެ ހިތަށް ވަންނަމުން ދިޔަ ސިޔާސީ ޝުޢޫރުތަކެއްގެ ވާހަކަތަކެކެވެ!! އަޅުގަނޑުގެ ނަޒަރުގައި އަދުގެ ސިޔާސީ ހަގީގަތްތަކެކެވެ!! މަންތިރި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބޭ ވާހަކަ ވެސް ރައީސް މައުމޫނަށް ދަންނަވާފައި ވާނެއެވެ!


18 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 877 ވަނަ ދުވަހެވެ. މަންތިރީގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުލިބޭތޯ ކޯޓަށް ގުޅީމެވެ. ވަކިޚާއްސަ ޖަވާބެއް ކޯޓުން ނުލިބުނެވެ. މިއީ ވަރަށްފާޑަކަށް އިއްވިފައި ހުރި ހުކުމްތަކަކަށް ވާތީ ޝަރީޢަތްނިމުނު ގޮތުގެރިޕޯޓުތައް ލިބެނީވަރަށް ވަރުންނެވެ. ވަރަށް އުނދަގުލުންނެވެ. ރައީސް މައުމޫނަށް ލިޔެގެންނެވެ. އެވަރުންވެސް ރިޕޯޓު ލިބޭއިރު ހުންނަނީ، ބައެއް ވާހަކަތައް އުނިކޮށްލާއި މަދުކޮށްފައެވެ.


19 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 878 ވަނަ ދުވަހެވެ. ބޭންކް އޮފް މޯލްޑިވްސްއިން ގަތްހިއްސާތަކުގެ އެލޮޓްމަންޓުސިޓީ މިއަދު އަޅުގަނޑަށް ލިބުނެވެ. ބޭންކުން އިއުލާނުކުރީމާ މިސިޓީހިފައިގެން ބޭންކަށް ދިއުމުން ގަތްހިއްސާތަކުގެ ސެޓިފިކެޓް ދޫކުރާނެވާހަކަ މިސިޓީގައި ލިޔެފައިއޮތެވެ. ﷲ ގެ އިރާދަފުޅުން މިކަންތައް ފުރިހަމަވީއެވެ. މިއީ ޖަލުގައި ހުރެގެން ކުރެވޭނެކަމެއް ކަމުގައި އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލުކުރި ކަމެއްނޫނެވެ.


20 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 879 ވަނަ ދުވަހެވެ. މިއަދު، ދިހައެއްޖަހާ އެހާކަންހާއިރު ކުއްލިއަކަށް ކުރިން އެނގުމަކާނުލައި ޕްރިސަންސުން ބަލާއައިސް، އަޅުގަނޑު ގެންގޮސްވެއްދީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވާނުވާއެއް ނޭންގޭތީ އަވަސް އަރުވާލާފައި އަޅުގަނޑު ދިޔައީ ޖަލު މުންޑުގަނޑު އަނދެގެންނެވެ. ފަޓުލޫނެއްލާކަށް ނުބުނެއެވެ. ހައްތާވެސް ހީވެފައި ވަނީ އަނެއްކާ ވެސް ޖަލަށް، ކުޑަގޮޅިއަށް ގެންދަނީހެންނެވެ. މީގެކުރިން މުޅިން ވެސް ހަދާފައި ހުރީ އެހެން ކަމަށް ވާތީއެވެ.


ރާއްޖޭގެ ސިފައިންގެ އެންމެމަތީވެރިޔާގެ ކޮމާންޑު ކޮޓަރިކޮޅަށް، އަޅުގަނޑު ހާޒިރުކުރި ވާހަކަ:


މިނިސްޓްރީ އޮފް ޑިފެންސުގެ ތިރީބުރީގައި ހުރި ގޮނޑިއެއްގައި އިރުގަނޑެއް ވާންދެން އަޅުގަނޑު ބޭންދުމަށް ފަހު، ސިފައިންގެ ދެއޮފިސަރަކު އައިސް ވަރަށް ގަދަޔަށް އަޅުގަނޑުގެ މުޅި ހަށިގަނޑު ފާސްކޮށް، ޗެކްކޮށް ބަލާހެދުމަށް ފަހު، އަނގަ ވެސް ހުޅުވައިގެން އަނގައިގެ އެތެރެޔާއެކު ޓޯޗަކުން އަލިކޮށްގެން ބަލާޗެކް ކުރަންފެށުމުން ވަރަށް ބިރުގަތެވެ. އަނެއްކާ މިއުޅެނީ ކިހިނެއް ހަދަންބާވައޭ ހިތަށް އެރިއެވެ. ދުވަހަކުވެސް ޖަލުގެކުޑަ ގޮޅީގައި ހުރިއިރު ވެސް މިއީ މީގެ ކުރިން އެއް އިރެއްގައި ވެސް ކުރިކަމެއް ނޫނެވެ.


މިއުޅެނީ އަނެއްކާވެސް ގޮޅިއަކަށް ވައްދަންބާވައޭ ވަރަށްބޮޑަށް ހިތަށް އެރިއެވެ. އަނގައާއި ތަންތަން ބެލުމަށް މަޑުމައިތިރި ކަމާއެކު ރީތިކޮށް ދައްކައިގެން އިންއިރު ކުޑަކޮށް ޖެހިލުންވިއެވެ. ހިތުތެރެއަށް އެކިކަހަލަ ވަސްވާސްތައް ވަނެވެ. ޖަލަށްގެންދަނީއޭ ވެސް އެތައް ފަހަރަކު ހިތަށްވަނެވެ. ޑިފެންސް ތެރެއިން ގޮޅިއަކަށް ލާންއުޅެނީއޭ ވެސް ހިތަށްއެރިއެވެ. އިތުރު އަނިޔާއަކަށް ގެންދަނީއޭ ވެސް ހިތަށްއެރިއެވެ. މިކަހަލަ އޭތިމީތި ހިތަށް ވަދެ ފައިބައިގެން ދިޔައެވެ. އެ ވަގުތުކޮޅު ދިޔައީ ބޮޑުބިރެއްގެ ތެރޭގައެވެ. އެއްގޮތަކަށް ވެސް މިއުޅެނީ ސިފައިންގެ އެންމެމަތީ ވެރިޔާއަރިހަށް ވައްދާށެކޭ ހިތަށް ކުޑަކޮށް ވެސް ނައެވެ!


ޗެކްކޮށް މުޅިހަށިގަނޑު ބަލައި ނިންމާފައި ދެންއެރުވީ މައްޗަށެވެ. ސިޑިއަކުން މައްޗަށް އަރުވަންފެށީމާ ވެސް ޖެހިލުންވިއެވެ. ވާނުވާއެއް އަދި ވެސް ނޭންގޭތީއެވެ. ލަކުޑިސިޑިއަކުން އަރާނިމުމުން ފެންނަން ފެށީ ރަތްދޫލައެކެވެ. ރަތްދޫލަ ފެނުމުން ހިތަށްފިނިކަމެއް ވަންނަން ފަށައިފިއެވެ. މަތީބުރިއަށް ގެންގޮސް ވެއްދީ، ރަތްދޫލަ އަޅާފައި ހުރި ރީތިބޮޑު ކޮޓަރިއަކަށެވެ. މިކޮޓަރީގައި ހުރި އަތްގަނޑުލީ ގޮނޑިއެއްގައި ބޭންދީ އެވެ. އިނީ އަޅުގަނޑު އެކަންޏެވެ.


ޖެހިގެން ހުރި ކޮޓަރީގައި މީހުން ތިބިހެން ހީވެއެވެ. މި ކޮޓަރީގައި އިންއިރު މުޅިންވެސް ހިތަށްއަރަނީ މިއުޅެނީ ރަނގަޅުގޮތެއް ވާށެވެ. ދެން ހިތަށް އައި ހެޔޮއެއްޗެއް ހިތުން ކިޔާލަކިޔާލައި އިނީއެވެ. ބިރުވެރިނުބައި އިހްސާސްތައް މުޅިންހެން ކެނޑިއްޖެއެވެ. އުފާވެރިކަމުގެ އިހްސާސްތައް ކުރެވެން ފަށައިފިއެވެ. ހިތަށް ފިނިކަން ލިބެއެވެ. މި ކޮޓަރިން މީރުވަސް ވެސް ދުވައެވެ. ހުރީގަދައަށް ފިނިކޮށްފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަންބަރީ އާއި އިސްތަފާ މިކޮޓަރި ތެރޭންލާފައި ހުރަސްކޮށް ހައްދަވައި އުޅުއްވަން ފައްޓަވައިފިއެވެ. އަޅުގަނޑު އަނގައިންނުބުނެ، ހިނިތުންވެސް ވެނުލާ، އިޙްތިރާމާ އެކު ހިތްވަރުކޮށް ލައިގެން އިންނަނީއެވެ.


އެމީހުން ވެސް ހީވެސްނުލައެވެ. ބޮޑާވެރިކަމާއެކު ހިނގާބިނގާވެ ހައްދަވައެވެ. އެއްދޮރުން ވަދެވަޑައިގެން އެނެއް ދޮރުން ނުކުންނަވަނީއެވެ. މިކަން ހިނގަނީ އަޅުގަނޑުގެ ކުރިމަތިންނެވެ. އަޅުގަނޑު ކެތްކޮށްލައިގެން މަޑުމޯޅިކަންމަތީގައި މަޑުމަޑުން އިނީއެވެ. މިހާ ހިސާބުން ވެސް މިއުޅެނީ ރައީސް މައުމޫގެ ދީދާރުފުޅެއް ދެއްކެވުން، ކުރިމަތިވާން އުޅެނީކަމަކަށް، އަޅުގަނޑުގެ ހިތަކަށް އެއްގޮތަކަށް ނުވަދެއެވެ. ކުޑަކޮށް ވެސް ނާރައެވެ. މިއީ ރައީސްއޮފީހަށް ނުވާތީއެވެ. އެހެނަސް ރަނގަޅުގޮތެއް ވާނެކަމުގެ އުފާއޮތެވެ. ކިޔެވެލީގައި އިނީއެވެ.


ކެތްކޮށްލައިގެން އިންދާ މާގިނައިރުތަކެއް ނުވެއުޅެނިކޮށް އާދައިގެ ހެދުމެއްގައި ހުންނެވި ސިފައިންގެ ބޭކަލަކު ދުރުވެ، އަޅުގަނޑަށް ތެދުވުމަށް އިޝާރަތްކޮށްލައްވައި ދެތިންފިޔަވަޅެއް ދުރުގައި ހުރި ވަރަށްރީތިދޮރެއް ސިއްރުސިއްރުން ގޮބުއަނބުރާލައި ހުޅުވާލެއްވުމަށް ފަހު، އޭނާނުވަދެ އަޅުގަނޑަށް ވަނުމަށް އިޝާރާތް ކުރައްވާފައި އޭނާ އެނބުރި ހިނގައްޖެއެވެ.


1997 ގައި
1997 ގައި

އަޅުގަނޑު، ބިސްމި ﷲ އޭ! ކިޔާފައި މިދޮރުން އެތެރެއަށް ކަނާއަތުފައިތިލަ ބެހެއްޓިތަނައި ފެނި، ދީދާރުވެގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމެވެ. ސިފައިންގެ އެންމެމަތީ ވެރިޔާއެވެ. އެމަނިކުފާނުގެ ހިނިތުމުން ފުރިގެންވާ މޫނުފުޅެވެ. މިކޮޓަރީގައި ހުރީ ވަރަށް ރީތި ބޮޑުއެއް މޭޒެވެ. އެމޭޒުގެ ކުރިމަތީގައި ހުރީ އެންމެ ގޮނޑިއެކެވެ. އަޅުގަނޑު ފެންނައިރަށް، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ކޮޅަށް ތެދުވެ ވަޑައިގެންފައި އަރަބިބަހުން ވިދާޅުވީ، ތަފައްޟަލް ޔާއަޚީ! (“މާތްބަހުން”، އޭއަޚާއެވެ. އިށީދެ ވަޑައިގަންނަވާށޭ!) މިހެންނެވެ.


އަދި ކަނާއަތްޕުޅުން އިޝާރާތްކޮށްލެއްވީ މޭޒުގެކުރިމަތީގައި ހުރިގޮޑީގައި އަޅުގަނޑު އިށީނުމަށެވެ. ދެން ޝުކުރަން އޭ! ދެންނެވުމަށް ފަހު އަޅުގަނޑު މޭޒުކޮޅުގެ ކުރިމަތީގައި ހުރި ރީތި ގޮނޑީގައި އިށީނިމުގެ ކުރިން، އަތްޕުޅުދިއްކޮށް ލެއްވުމުން އަތާއަތްޖޯޑުކޮށް ސަލާމްކޮށް ލުމަށް ފަހު، އިޝާރަތްކޮށް ލެއްވި ގޮނޑީގައި އިށީދެއްޖައިމެވެ. މިހާ ހިސާބުން ވަރަށް ހިތް ހަމަޖެހި އުފާ ވެއްޖެއެވެ. އަޅުގަނޑުގެ މޫނުމައްޗަށް ވެސް ހިނިތުން ވެރިވެއްޖެއެވެ. އަލްޙަމްދުލިއްލާހި އޭ! ހިތުން ކިޔާލެވުނެވެ.


މިއީ ކޮންކަހަލަ މިޢުރާޖެއް ބާވައޭ ހިތަށް އެރިއެވެ. އަޅުގަނޑު ޗެކްކޮށް ހެދި އިރާއި ތިރީގައި އިށީދެގެން އިންއިރު އަބަދުވެސް ކިޔަމުންގެންދިޔައީ އިބްރާހީމް ސަލަވާތެވެ. އަދި “ސުބްޙާނަ ﷲ ވަލްޙަމްދު ލިއްލާހި، ވަ ﷲ އަކްބަރު” މިދުޢާ ކިޔަމުން ގެންދިޔައިމެވެ. ހެވާއި ސަލާމަތަށް އެދި ނިޔަތް ގަނެގެންނެވެ. އަނިޔާވެރިންގެ އަތްދަށުން ސަލާމަތަށް އެދިއެވެ.


ކައިވެނިހަފްލާގައި 1998
ކައިވެނިހަފްލާގައި 1998

ދެން ދެވަނަ ބަސްފުޅަކަށް ރައީސް މައުމޫނު ވިދާޅުވީ، އިލްޔާސަށް މިދަންނަވާލީ، އިލްޔާސަށް އިއްވިފައި ހުރި ހުރިހާ ހުކުމްތަކުން މިނިވަންކޮށް މައާފުދީ ދޫކޮށްލުމަށެވެ. މުޅިން މިނިވަން ކުރުމަށެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އަޅުގަނޑަށް ލިބިގެންވާ ބާރުގެދަށުން މިކަންތައް ކުރުމަށެވެ. އޭރު އެމަނިކުފާނުގެ ކުރިމަތިފުޅުގައި މޭޒުކޮޅުމަތީގައި އޭ-ފޯ ސައިޒުގެ ހުދުކަރުދާސް ގަނޑެއްގައި އަޅުގަނޑަށް އިއްވާފައިވާ، 4 ހުކުމުގެ ތަފްސީލްތައް ލިޔެފައިއޮތެވެ.


މިހެންވިދާޅުވީ އެކަރުދާސް ގަނޑަށް ބައްލަވާލައްވާ އިޝާރާތްކޮށް ލައްވާފައެވެ. މިކަރުދާސް ގަނޑުނޫން އެހެންއެއްވެސް އެއްޗެއް އެމޭޒުކޮޅު މައްޗަކު ނެތެވެ. ދެފޯނެއް ހުއްޓެވެ. މިބަސްފުޅުގެ ޖަވާބުގައި އަލްޙަމްދުލިއްލާހިއޭ ދަންނަވާއި ވަރަށް އުފާވެއްޖެއޭ ދެންނެވީމެވެ. ވާހް! މާޝާ ﷲ! ހާދަހާ ހެޔޮފުޅޭ ދެންނެވީމެވެ. އަދި ވަރަށްބޮޑަށް، ﷲ އަށާއި މަނިކުފާނަށް ޝުކުރުވެރިވާ ވާހަކަވެސް ދެންނެވީމެވެ.


އަޅުގަނޑަށް ފެންނަނީ، ރީތިބޮޑުމޭޒެއްގެ މަތީގައިއޮތް އޭ-ފޯ ސައިޒުގެ ކަރުދާސްގަނޑެކެވެ. އިރުއިރުކޮޅާ އެއަށް ފޯކަސްކޮށް ލެވެއެވެ. ހިނިތުންވެފައިވާ ރައީސް މައުމޫނުގެ މޫނުފުޅަށް ބަލައިލެވެއެވެ. އެކަރުދާސްގަނޑުގައި ލިޔެފައި ވަނީ ހަތަރުޕޮއިންޓެކެވެ. ދެންއަޅުގަނޑާއި ރައީސް މައުމޫނާއި މޫނާއިމޫނު ދިމާވާގޮތަށް އެހެން އެއްވެސް ހުރަހެއް ނެތެވެ. އެހެން އިތުރު އެއްޗެއް ވެސްނެތެވެ.


ގިނައިން ތަކުރާރުކޮށް ހަތަރުކަޅި ހަމަވަމުންދެއެވެ. އެހެންމޭޒެއް ގޮނޑިއެއްވެސް ނެތެވެ. އެހެން މީހެއްވެސް ނެތެވެ. ހަމަހިމޭން ރީތިހުސްތަނެއްގައި ރައީސް މައުމޫނާއި އަޅުގަނޑާ އެކަންޏެވެ. ކުޑަގޮޅިން މިއާދެވުނީ، ސީދާ ރައީސް އަރިހަށެވެ. ޖަލުން ރިޔާސަތުގެ ދީވާނަށެވެ. ވެރިކަމުގެ ދަރުބާރަށެވެ. މުޅިން އެހެން މާހައުލަކަށެވެ. މިވަނީ ކިހިނެތް ބާވައޭހިތަށް އަރައެވެ! ﷲގެ ކުޅަދުންވަންތަ ކަމަކީ މިއެވެ!


ރައީސް މައުމޫނު ދެންފެއްޓެވީ، އިތުރު ވާހަކަފުޅުތަކެވެ. ވިދާޅުވިއެވެ! ދެން މިހާރު އިލްޔާސް ގަސްދުކުރައްވަނީ ކޮންމަސައްކަތެއް ކުރައްވަން ތޯއެވެ؟ މިނިވަންވުމުން ކުރައްވާނީ ކޮންކަމެއް ތޯއެވެ! އަޅުގަނޑު މަޑުޖެހިލީމާ، މިސުވާލުތައް ތަކުރާރުކޮށް ކުރެއްވިއެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކީ އަބަދުވެސް ދިވެހިގައުމަށާއި ސަރުކާރަށް އިޚްލާޞް ތެރިކަމާއެކު ޚިދުމަތްކުރާހިތްވާ މީހެކެވެ. އަދި ކުރާނެ އަމިއްލަ މަސައްކަތެއް ފެށިފައިނެތް މީހެކެވެ.


ވިޔަފާރިއެއް ދަންނަ އަދި ވިޔަފާރިއެއް ކުރާ މީހެއްނޫނެވެ. އަދި ކުރާހިތްވާ މީހެއް ވެސް ނޫނެވެ. ސަރުކާރުން ލިބޭ މުސާރައިން ދިރިއުޅޭ މީހެކެވެ. އަބަދުވެސް ގައުމުގެ ކުރިމަގަށް ވިސްނާ މީހެކެވެ. އަޅުގަނޑު ކިޔަވާނިމިގެން އައިގޮތަށް މިގެންދަނީ، ސަރުކާރުން ގެންދަވާފައި ދެއްވި ވަޒީފާގައި ޝަކުވާއެއް ނެތި ޚިދުމަތް ކުރަމުންނެވެ. އެއީ ވެސް ރައީސް ކޮށްދެއްވި ކަމެކެވެ. ވައްކަމެއްކޮށް މީހަކަށް ތާކަށް ގެންލުން ދީފައެއް ނޯންނާނެއެވެ.


ރައްޔިތުންގެ އިސްލާޙަށާއި ގައުމުގެ ކުރިމަގު ބިނާކުރުމަށް ރައްޔިތުންގެ އަޑުއުފުލުން ނޫންކަމެއް ކުރާ މީހެއްނޫނެވެ. އަޅުގަނޑުގެ ވެރިންނަށް އަޅުގަނޑުގެ ޚިޔާލު އަރުވަމެވެ. ގާނޫނާއި ގަވާއިދަށް އިހްތިރާމް ކުރާ މީހެކެވެ. މިހާ ތަނަށް ވެސް ހުރީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައެވެ. އަޅުގަނޑު ކިޔަވައިގެން އައުމުން، ވަޒީފާއެއް ދެއްވީ މިނިކުފާނުގެ ސަރުކާރުންނެވެ. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް ވަޒީފާދެއްވީ އަޅުގަނޑު އާދޭސްކޮށް ސިޓީލާއި އެދިގެނެއް ނޫނެވެ.


ސަރުކާރަށް ފެނިވަޑައިގެން އަޅުގަނޑު ގެންނަވާފައި މުސާއިދުއަމީނުލް މަކްތަބާކަން ދެއްވާފައި އިސްލާމީ މަރްކަޒަށް ވެއްދެވީ ސަރުކާރުންނެވެ. ސީދާ މަނިކުފާނެވެ. އެހެން ވުމުން ދެން ވެސް ޚިދުމަތް ކުރާނީ ފުރުސަތު ދެއްވައިފި ނަމަ ސަރުކާރުގައެވެ. އަދިވެސް އަޅުގަނޑު ހުންނަހިތް ވަނީ އެގޮތުގައެވެ. ގޭގައި ހުރެގެން ކުރާނެކަމެއް ފެންނާކަށް އަދިއެއް ނެތެވެ. ކުރާނެ އެހެން ކަމެއް ވެސް ނެތެވެ.


މަނިކުފާނެވެ! ރައީސްއެވެ! ދެން ވެސް ބެހެއްޓެވި ވަޒީފާއެއްގައި އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން މިންވަރެއްގެ އެންމެފުޅާމިނުގައި ގައުމަށް އަޚްލާޞްތެރި ކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެޔަގީންކަން މަނިކުފާނަށް އަރުވަމެވެ. އަޅުގަނޑުގެ ޒަމީރާއި ހިތުގައި ކަސްތޮޅު އެޅުވިގެން ނުވާނެއެވެ. ސިކުނޑިއަށާއި ޒަމީރަށް މިނިވަންކަން އޮތީމާ އަޅުގަނޑަށް ނިމުނީއެވެ. އަޅުގަނޑަށް ފެންނަޚިޔާލެއްގެ ޖާގަދެވެން ޖެހޭނެއެވެ. މަސައްކަތުގެ މާހައުލުގައި އޮންނަން ޖެހޭނެއެވެ.


އެހެނަސް އެއަށް ފަހު، ވެރިޔާއަންގަވާ ގޮތަށް އަމަލު ކުރާނަމެވެ. ކިޔަމަން ވާނަމެވެ. ދުސްތޫރާއި ގާނޫނާއި ގަވާއިދު ތަކަށް ބޯލަނބާއި އިހްތިރާމް ކުރާނަމެވެ. ދެން ކޮން ދާއިރާއެއްތޯ އިލްޔާސަށް އެންމެރަނގަޅީ އެއްސެވިމާ އަޅުގަނޑު ދެންނެވީމެވެ. ހޯމްމިނިސްޓްރީ ނުވަތަ އެޓޮލްސް މިނިސްޓްރީއަކީ އަޅުގަނޑަށް އެންމެ ކަމުދާ ތަންތަނެވެ. އަޅުގަނޑަކީ ގާނޫނުތަންފީޒުކުރާ ހިތްވާމީހެކެވެ. ތަންފީޒީ އިދާރާތަކުގައި ޚިދުމަތް ކުރާހިތްވާ މީހެކެވެ. އަޅުގަނޑަށް ބޮޑަށް ރަނގަޅު ވާނީ މިތަންތަނޭ ދެންނެވީމެވެ.


އަދި މިހެން މިދެންނެވީ އަޅުގަނޑަކީ އިނގިރޭސި މީޑިއަމުން ކިޔެވި މީހަކަށް ނުވާތީއެވެ. މަޖީދިއްޔާ ގުރޭޑުފަހެއްގައި ހުއްޓައި ކަނޑާލާފައި ފޮނުވާކީ އުރުދޫ ޢަރަބި ކިޔަވާށެވެ. އެހެން ވުމުން ފަސޭހަ ވާނީ ވެސް ދާޚިލީ ކަންކަމުގައި އުޅުމަށެވެ. ދިވެހިބަހުން މުއާމަލާތް ކުރާށެވެ. އަދި ކުރާހިތްވެސްވަނީ ވެސް ދާޚިލީކަންކަމެވެ. ރަށްފުށުތެރޭގެ ވެއްޓާބެހޭ ކަންކަމެވެ. ތަމައްދުނާއި ރަށްވެހިކަމު ތެރޭގައި ގާނޫނުގެ ހުކުމް ތަންފީޒުކޮށް ހިންގާހިތް ވެއެވެ.


މިވާހަކަތަކަށް ފަހު، އަޅުގަނޑު ފެއްޓީ މިހާރުގެ މާހައުލާގުޅޭ ސިޔާސީ މަސްރަހުގެ ބައެއް ވާހަކަތަކެވެ. ފުރަތަމަވެސް ވާހަކަފަށައި ގަންނަން ޖެހުނީ، މުޅިރާއްޖޭގެ މުޝީރެއްކަމުގައި ބަލައިގެން އުޅޭ މަޝްހޫރުކޮލި އަލިމަނިކާ ހަމައިންނެވެ. އަޅުގަނޑު ރައީސް މައުމޫނަށް ދެންނެވީމެވެ. ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި ވަޒީރެއްގެ ފެންވަރުގައި ގެންގުޅުއްވާ، ކޮލިއަލިމަނިކަކީ ވަރަށްގިނަ ފައިދާތަކެއް ސަރުކާރުގެ ނަމުގައި އަމިއްލައަށް ނަންގަވަމުން ގެންދަވާ ބޭފުޅެކެވެ.


ސަރުކާރުގެ މުދަލުން މުއްސަނދި ވެވަޑައިގެން ހުންނެވި އެފަދަބޭފުޅެއް ލައްވާއި އަދިވެސް އެޒާތުގެ ފުރުސަތުތައް ދެއްވައިގެން އޭނާ ކުރިޔަށް ނެރުއްވައިގެން ސަރުކާރަށް އުޅުއްވަން ޖެހިފައި މިވަނީ، ކީއްވެތޯއެވެ؟ ކިހިނެއް ވެގެންތޯއެވެ؟ އެނޫން ކުޅަދާނަ މީހަކު ނެތިގެން ތޯއެވެ؟ އޭނާ ކުރައްވާ ކޮންމެކަމަކުން އޭނާ އަމިއްލައަށް ބޮޑުފައިދާ ނަންގަވައެވެ. ރާއްޖެއަށް ފޮނުއްވަނީ އޭގެން ކޮޅުދާލިކޮޅެކެވެ. އަވަހަށް ހަލާކުވެ ވީރާނާވާ ތަކެއްޗެވެ.


އަޅުގަނޑު ގާތުގައި އިސްލާމީ މަރްކަޒު ބިނާކުރުމަށް މާލެ އައި ޓީމުގެ އިސްބޭފުޅަކު ވިދާޅުވިއެވެ. އިސްލާމީ މަރުކަރުގެ ތަޅުމުގައި ޖެހުމަށް ފޮނުވާފައި ހުރީ ޑުޕްލިކޭޓު ހިލައެވެ. އެއީ އަސްލު ސަންގުމަރުމަރު ހިލައެއް ނޫނެވެ. އެހެނަސް އެތަޅުމުގައި ޖެހުމަށް ހަމަޖެހުނީ އޭނާއަށް އެނގިފައިވާ ގޮތުގައި ސަންގުމަރުމަރު ހިލައިގެ އަސްލުހިލައެވެ. އެންމެމޮޅު ސަންގުމަރުމަރު ހިލައިގެ ވައްތަރެވެ. އަދި އެކަމަށް ހިނގިޚަރަދު ހިނގާފައި ވެސްވަނީ އަސްލުހިލައިގެ އަގުންނެވެ.


މި މީހުންބުނެދިން ގޮތުގައި އެމީހުން މި މަސައްކަތް ކުރުމަށް މާލެއަށް ފޮނުއްވީ ވެސް އޭނާއެވެ. އަޅުގަނޑަކީ ވިޔަފާރި ދަންނަ މީހެއްނޫނެވެ. އެހެނަސް މިއީ މެލޭޝިއާއިން މަނިކު ފޮނުއްވާފައި ތިބި މީހުން އަޅުގަނޑަށް ބުނެދީފައި ހުރި ހަގީގީ ވާހަކަތަކެވެ. މިފަދަ ރަނުގެ ފުރުސަތެއް ލިބުނީމާ ދަންނަވާލުމަށް ހިތަށް ވަނީއެވެ. ދަންނަވަންތޯއެވެ! މި ހުންނަނީ ބޮޑެތި ޚިޔާނާތް ނޫންތޯއެވެ. ދެން ރައީސް މައުމޫނު ވިދާޅުވިއެވެ.


އެބޭބޭފުޅުންނަކީ ޒަމާނުއްސުރެ ސަރުކާރުގެ ޚިދުމަތުގައި ތިއްބެވި، ގަދަރުވެރި މީހުންނަށް ވާތީ އެހާ ފަސޭހައިން ދުރުކުރެވޭކަށް ނޯވެއެވެ. ދެން އަޅުގަނޑު ދެންނެވީ، އެފްޕީއައިޑީގެ ތަހުގީގުގެ ވާހަކައެވެ. މަނިކުފާނު އެފްޕީއައިޑީގެ މައްސަލަ ރައްޔިތުންގެ މަޖިލިސް ފެންވަރުގައި ތަހުގީގުކޮށް ބެއްލެވިކަމީ އަޅުގަނޑުމެން ކަހަލަ ގިނަބަޔަކު ހިތްހަމަޖެހި އުފާކުރި ކަމެކެވެ.


އެހެންނަމަވެސް މިކަންވެސް ނިމުނު އިރު ވެގެންދިޔައީ ރައްޔިތުން އުފާކޮށްލައި ވަކިބަޔަކު ހިމާޔަތްކޮށް ދެއްވުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައެވެ. މި މައްސަލަ ތަހުގީގު ކުރި ކޮމެޓީން އެކުލަވާލި ރިޕޯޓުގެ އަސްލުކޮޕީތައް ވީނުވީތަނެއް ރައްޔިތުންނަށް ނޭނގެއެވެ. އެއީ އަޅުގަނޑު ކިޔާލަން ވަރަށް ބޭނުންވި މައުލޫމާތު ތަކެކެވެ. އެހެނަސް ވަނީ ބަޔަކު ފޮރުވާފައެވެ.


އެރިޕޯޓު އަނބުރާ، ރައްޔިތުންގެ މަޖިލީހަށް ހުށައެއް ނާޅައެވެ. އަޅުގަނޑު ދަންނަވަން އޮތީ ތިޔަކުރެއްވި މަސައްކަތުގެ އަގުވަޒަންކުރެވޭނީ މަސައްކަތް މުޅިން ނިންމާލެއްވުނު ނަމައެވެ. އެރިޕޯޓު މަޖިލީހަށް ހުޅަހެޅި ރައްޔިތުންނަށް އަޑި އެނގޭ ގޮތަށް ތަހުގީގުކުރިޔަށް ދިއުމަކީ އަޅުގަނޑުމެން ވަރަށް އެދޭ އެދުމެކެވެ. އަދި އަޅުގަނޑު ދުނިޔޭގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ވަދެވޭ ދުވަހަކުން އެ މައްސަލަ އަނބުރާ މަޖިލީހަށް ގެނެސް ރައްޔިތުންނަށް އެ ޚިޔާނާތުގެ އަޑި އަންގައިދެވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރާނަމެވެ.


މިހާރު އެރިޕޯޓުގެ އަސްލުތައް ވީނުވީތަނެއް ދަންނަ މީހަކުވެސް ރަނގަޅަށް ވިއްޔާ ނުހުންނާނެއެވެ. ދިވެހިގައުމަށްޓަކާ މިފަދަ ޚިޔާނާތްތައް ބައްލަވާއި ދެއްވައި އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމަކީ މަނިކުފާނުގެ އެންމެއިސް ވާޖިބުނޫންތޯއެވެ. ރައްޔިތުން ތިޔަ އިއްޒަތްތެރި މަގާމުގައި ކޮންމެފަސް އަހަރަކުން އެއްފަހަރު ތިޔަ އިއްޒަތްތެރި ކުރައްވަނީ އެބޭނުމުގައި ނޫންތޯއެވެ. އަޅުގަނޑަށް ގަބޫލުނުކުރެވިގެން މިއުޅެނީ، މިފަދަ ބައެއް ކަންތައްތަކެވެ. މިވާހަކަތައް ލިޔެ އެވާހަކަ ދައްކައި މިހަދަން ޖެހެނީ އެހެންވެއެވެ.


މިނޫން އެހެން އެއްވެސް ބޭނުމެއް، އަދި މަގްސަދެއް އޮވެގެންނެއް ނޫނެވެ. ގައުމުގައި ހަމަހަމަކަމާއި އިޖްތިމާއީޢަދާލަތު ނެތިގެން ގޮސްފައި ވާތީއެވެ. މުޖްތަމައުގެ ފޭރާންވީދި ކުދިކުދިވެފައި ވާތީއެވެ. މުޖްތަމައުގެ ސަލާމަތްތެރިކަމާއި އަބުރުވެރިކަން ގެއްލިފައި ވާތީއެވެ. އަމާންކަން ގެއްލި ޖަންގައްޔަކަށް ވެފައި ވާތީއެވެ. ގާނޫނުތައް ވަނީ ބާރުގަދަ ބައެއްގެ މުށު ތެރޭގައެވެ. މިއީ އަޅުގަނޑު ދެންނެވި ވާހަކަތަކެވެ.


ދެން ރައީސް މައުމޫނު ވިދާޅުވީ ވަރަށް ސިޔާސީ ބަސްފުޅެކެވެ. އެފްޕީއައިޑީގެ ޚިޔާނާތްފަޅާ އެރުމާގުޅިގެން، ވަރަށް ރަނގަޅަށް ބޭރުގެ ލޯޔަރުން ބައިތިއްބައިގެން އެ މައްސަލަ ބެލެންއޮތްހާ ފުންމިނެއްގައި ވަރަށް ރަނގަޅަށް ތަހުގީގުކޮށް ބެލީމެވެ. އެ މައްސަލައިގެ އަޑިހޯދީމެވެ. އަދި އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހަމައަށް އަވަހަށް ގެނެވޭނެއެވެ. އަދި ނުގެނެވިފައެއް ނެތެއްނޫންތޯއެވެ.


އަދި އެކަންކުރާނެ ދުވަސް އެބައޮތް ނޫންތޯއެވެ. އެކަންތައް ސަރުކާރުން ކުރުވީބޭރުގެ ލޯޔަރުންލައްވާ ވަރަށް ފުރިހަމައަށެވެ. އަދި އެވަގުތު ކުއްލިގޮތުގައި އަޅަންޖެހުނު މުހިންމު ފިޔަވަޅެއް ވިއްޔާ ވާނީ ސަރުކާރުން އަޅުއްވާފައި ކަމުގައި ރައީސް މައުމޫނު ވިދާޅުވެ ދެއްވިއެވެ. ސިޔާސީގޮތުން އަޅުއްވަން ޖެހުނު ފިޔަޅެއް ވިޔަސް އެޅުއްވި ވާހަކަ ވިދާޅުވެ ދެއްވިއެވެ.


ދެން މިވާހަކަ ނިންމާލެއްވުމުން އަޅުގަނޑު ދެންނެވީމެވެ. ތިޔަހާ ރަނގަޅަށް، ފުރިހަމަކޮށް އެފްޕީއައިޑީގެ ތަހުގީގުގެ ކަންތައް ނިންމެވިނަމަ އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއި ދިވެހި ރައްޔިތުންނަށް އެކަންއެންގެވީސް ނޫންތޯއެވެ. ތިޔަވިދާޅުވާ ކަހަލަ، އެހާ ފުރިހަމަ ރިޕޯޓެއް އެކުލަވާލެވުނީމާ އެންމެ ފުރިހަމަގޮތަކީ ރައްޔިތުންގެ މަޖިލީހަށް އެރިޕޯޓު ހުށަހަޅައި ދެއްވުމެވެ. ރައްޔިތުންނަށް އެ ތަހްގީގުގެ އަޑި ހާމަވާގޮތަށް އެންގެވުން ނޫންތޯއެވެ. އެރިޕޯޓު ކިޔާލަން ބޭނުންވާ ބައިވަރު މީހުން ތިބޭނެއެވެ.


ދެންވެސް ވިދާޅުވީ އަދި އެކަން ނުކުރެވިފައެއް ނެތެއްނޫންތޯއެވެ. ދެންވިދާޅުވެދެއްވީ އަޅުގަނޑު މެންގެ ބަންދުވުމުގެ ކަންތައް ހިނގާދިޔަގޮތުގެ ވާހަކައެވެ. ރައީސް މައުމޫނު ވިދާޅުވިއެވެ. މިހިނގާދިޔަ ކަންތައްތަކާ ދޭތެރޭގައި، އިލްޔާސާއި އިލްޔާސްގެ އާއިލާއާ މެދުގައި އެއްގޮތަކަށް ވެސް ތިމަންނާގެ ހިތުގައި ޒާތީގޮތެއް ހަސަދަވެރިކަމެއް ނެތެވެ. އެއްގޮތަކަށް ވެސް މިއީ ޒާތީގޮތުން އިލްޔާސްގެ އާއިލާއަށް އަނިޔާއެއް ދިނުމުގެގޮތުން ބަޔަކު ހިންގިކަމެއް ނޫނެވެ. އެގޮތުގައި ދެކިގެން ނުވާނެއެވެ.


އެއީ މުޅިންނުބައި ވިސްނުމެކެވެ. ދޫކޮށްލަން ޖެހޭ ވިސްނުމެކެވެ. މިއީ ސަރުކާރަށް ލިބުނުރިޕޯޓަކާ ގުޅިގެން ހިންގިތަހްގީގެއްގެ ނަތީޖާއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. ޝަރީޢަތުގެ މަޖިލީހުގައި އަޅުގަނޑު ތިޔަގޮތަށް ތިޔަވާހަކަތައް ތަކުރާރުކޮށް ދެއްކީމެވެ. އެގޮތަށް އެކަންތައް ކުރީ ތަހުގީގު ތެރޭގައާއި ޝަރީއަތުގެ މަރުހަލާގައި ކަންތައް ހިނގާ ދިޔަ ގޮތުންނެވެ. ޝަރީޢަތުގެ މަޖިލީހުގައި ގާޒީ އާއި ދައުލަތުގެ ވަކީލާދިމާއަށް އަޅުގަނޑު ތިޔަހެން ތިޔަގޮތަށް ދެންނެވީމެވެ.


ރައީސް މައުމޫނު ސިޔާސީގޮތުން ފިލުވާލެއްވި ހަސަދައެއްގެ ގޮތުގައި ސިފަކޮށް ވާހަކަދެއްކީމެވެ. އަދި ވަކިބައެއްކަން ބެދެނީ ސާފުކޮށް އެނގުމުން، ޒާތީގޮތުން ކުރެއްވިކަމެކޭ ވެސް ދެންނެވީމެވެ. އެއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ހަގީގަތެއް ވުޖޫދުގައި ވާތީއެވެ. އަދި ކަންތައް ހިނގާދިޔައީ އެގޮތަށްކަމަށް ވާތީއެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި، އަޅުގަނޑު މެންނާ ދޭތެރޭގައި ޝަރީޢަތްކޮށް ފިޔަވަޅު އަޅާފައި ވަނީ، ޒާތީގޮތުން ހަސަދަވެރިކަމާ އެކުގައޭ ދެންނެވީ، އެކަމުގެ ސާބިތުހެކިތައް ކުރިމަތީގައި ފެންނަން ހުރީމައިކަމަށް އަޅުގަނޑު ދެންނެވީމެވެ.


ބިންބިފޯސް އާއި ސިފައިންގެ ބަޔަކު އިސްވެތިބެގެން، އަޅުގަނޑުމެން ކުރި ބުރަ މަސައްކަތުން އަޅުގަނޑުމެން އެކަހެރިކޮށްލާއި ބަންދުކޮށް ތާށިކޮށް، އަޅުގަނޑުމެންނަކީ ކޮންބަޔެއްކަން ކޮންމޫނުތަކެއްކަން ކަށަވަރުވީމާ، ރައީސްއޮފީހުން ފޮތްނެރެގެން އިއްޒަތްތެރި މެންބަރުންނަށް އެކިގަޑިތަކަށް ދަންނަވައިގެން ޖަލްސާތައް ރޭގަނޑާއި ދުވާލާއެކު ބާއްވައިގެން ޓެރަރިޒަމް ގާނޫނެއް ފާސްކުރެއްވުމަށް ފަހު، އެގާނޫނުގައި އެގާނޫނުފާސް ކުރުމުގެ ކުރިންކޮށްފައިވާ ކުށްތަކަށް އެގާނޫނުގެ ދަށުން ހުކުމް ކުރެވޭގޮތަށް ވަކިމާއްދާއެއް ހިމެނީ ސީދާ އަޅުގަނޑު މެންނަށް އަމާޒުކޮށް ބޮޑުވެގެންވާ ހުކުމެއް އިއްވާއި ޓެރަރިސްޓުންގެ ގޮތުގައި މުޅިދުނިޔެއަށް ލޭބަލް ކުރެއްވުމުގެ މަގްސަދުގައިކަން ކަށަވަރުވާތީ ކަމަށް، ދެންނެވީމެވެ.


އަޅުގަނޑުމެން ބަންދުގައި ބައިތިއްބައިގެން ޓެރަރިޒަމް މަނާކުރާ ގާނޫނެއް އެކުލަވާލާއި މަޖިލީހުން ފާސްކޮށް އެ ގާނޫނުގެ ދަށުން ހުކުމް ކުރެއްވީމާ ޒާތީގޮތުން ކުރެއްވިކަމެކޭ ފާޅުގައި އަޅުގަނޑު ދެންނެވީއެވެ. ޝަރީއަތުގެ މަޖިލީހުގައި އެވާހަކަ ގޮވުނެވެ. ރާއްޖޭގެ ތާރީޚުގައި ގިނަ ކަންތައް ކުރީގެ ސަރުކާރުތަކުން ކުރައްވާފައި ހުރީ ވެސް މިކަހަލަ ލާއިންސާނީ، ނާތަހްޒީބު ގޮތަކަށެވެ. ރައީސް މައުމޫނަކީ އެކަންކަން ބަދަލު ކުރައްވާނެ ބޭފުޅާ ކަމުގައި ވާންޖެހެއެވެ.


ގާނޫނުލް އުގޫބާތު އެކުލަވާލެވުނީ ވެސް، ހައްޔަރު ކުރެވުނު ބަޔަކު ޖަލުގެ އަނދިރީގައި ބައިތިއްބައިގެން އެމީހުންނަށް ބޮޑެތިހުކުމްތައް އިއްވުމަށެވެ. ސީދާގާނޫނު އަސާސީއަށް ބަލައިލިޔަސް އެކަންތައް ވެސް ވުޖޫދަށް ގެނެވިފައި ވަނީ ދެއާއިލާއެއްގެ ފިތުނައަށް އަމާޒުވެގެން ކަމަށް މަނިކުފާނުގެ ބޭބެ އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައި ވެއެވެ. އަދި ގިނަދުވަސްތަކުގެ މަތިން އަޅުގަނޑު އެގެއަށް ގެންދަވައިގެން މިވާހަކަތައް ވަނީ ތަކުރާރުކޮށް އަޅުގަނޑަށް ކިއައިދެއްވާފައެވެ.


މިޒަމާނަކީ އެފަދަކަންތައް ސަގާފަތުގެ ތެރެއަށް ދޫކޮށްލައްވާއި އިންސާނީކަރާމަތާއި އިންސާނީހައްގުތައް ދެމެހެއްޓުމުގެ ތަހުޒީބީ ރަންޒަމާނެވެ. ދުނިޔޭގެ ތަރައްގީ ދަތުރުކުރަނީ އެ އަތަށެވެ. މިދަނޑިވަޅުގައި ބަޔަކު ބަންދުގައި ބައިތިއްބައިގެން، ތެޅިފޮޅިގަނެގެން ގާނޫނެއް ފާސްކޮށް އެބަޔެއްގެ މައްޗަށް ހުކުމް އިއްވާނީ ވަކިބަޔަކު ޓެރަރިސްޓުންނަށް ހެދުމަށްކަމަށް، އަޅުގަނޑު ދެންނެވީމެވެ. މިއީ އަޅުގަނޑަށް ގަބޫލު ކުރެވިފައި އޮތްގޮތް ކަމުގައި ދެންނެވީމެވެ.


މިގާނޫނުފާސްކުރީ އަޅުގަނޑު މެންނަށް ހޭއަރުވާލާއި އުމުރަށް ނެތިކޮށްލުމުގެ ބޭނުމުގައިކަން އަޅުގަނޑުމެންނަށް އޭރު ގަބޫލުކުރެ ވިފައިވާ ވާހަކަ ވެސް ދެންނެވީމެވެ. ހިތުތެރޭގައި އެނބުރެމުން ދިޔަގޮތަކީ މިއީ އެވެ. މާފުދެއްވާއި މިނިވަން ކުރައްވާނެ ކަމަކަށް ދުވަހަކު ވެސް ހިތަކަށް ނާރައެވެ.  އެހެނަސް، ﷲ ގެ ހެޔޮރަހްމަތްފުޅުން މިއަދު މަނިކުފާނުގެ ހިތްޕުޅަށް ހަމްދަރުދީ އާއި ކުލުނުގެ އަސަރުކޮށްފައި ވާތީ އަޅުގަނޑުމެންނަށް ތިޔަ މައާފު ދެއްވީއެވެ. އެއީ އީމާންތެރިކަމުގެ މިސާލެކެވެ. އެކަމާ ނިހާޔަތަށް ޝުކުރުވެރި ވަމެވެ. ދުޢާކުރަމެވެ.


ބަޔަކަށް ހޭއަރުވާލާ ބީދައިން ތަހުގީގުކޮށް ޝަރީޢަތަށް މިކަންތައް ސަރުކާރުން ގެންގޮސްފައި ވާތީ، ޒަތީގޮތުން މަނިކުފާނު ކުރެއްވި ކަމެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑު، އެގޮތަށް ބުނަމުން ދިޔައީ ގަސްދުގައެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބުކަމުގައި ހުންނެވި އެންމެބާރުގަދަ، އޮނަރަބްލް އިލްޔާސް އިބްރާހީމް، މި ކަންތައްގަނޑުގެ ހުރިހާބަދުނާމެއް އެޅުއްވީ، ރައީސް މައުމޫނުގެ އިސްތަށިފުޅު ގައެވެ. އާދެ ބޮލުގައެވެ. ތިޔަ އިއްޒަތްތެރި މަނިކުފާނު އަޅުއްވާނީ އޭނާގެ ބޮލުގައެވެ.


ކޮންމެއަކަސް އަޅުގަނޑު އަދިވެސް ގަބޫލުކުރާނީ، މިކަމަކީ ޒާތީގޮތުން އަޅުގަނޑު މެންނާ ކުރިމަތިކުރުވި ބޮޑު ސިޔާސީ ގޯނާކުރުމެއް ކަމުގައެވެ. އިލްޔާސް އަމިއްލަފުޅަށް ކުރެއްވި ކަމަކަށް ވެސް ވެދާނެއެވެ. އެހެނަސް ވެރިމީހާއަކީ މަސްއޫލުވެރިޔާއެވެ. މުޑުދާރު ސިޔާސީ ކަންތައްގަނޑެއް ކަމުގައި ވެދާނެއެވެ. އެއީ ވެސް ރައީސަށް ފަހު ވެރިކަން ކުރައްވަން އެދޭނެ ބޭފުޅެކެވެ. އޮނަރަބަލް ހަމީދުގެ ޚިޔާލުފުޅައި ދިމާ އިދިކޮޅު ޚިޔާލެއްގެ ބޭފުޅެކެވެ. އިލްޔާސަކީ ވެރިކަން ބޭނުންވާ ބޭފޫޅެކެވެ. މިހާރު އެވަނީ އެކަން ތިލަވެސް ވެފައެވެ.


މިރޮނގުން ވަރަށްދިގުކޮށް، ވިއްސަކަށް މިނެޓަށްވުރެ ގިނައިރު މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ވަރަށްދިގުކޮށް މިވާހަކަތައް ދެއްކުމަށް ފަހު، ދެންއަޅުގަނޑު ދަންނަވާނެ އިތުރު ވާހަކައެއް ނެތްކަމާއި މިއަދު އަޅުގަނޑު ހަގީގަތުގައި ވެސް މިފުރުސަތު ދެއްވީމާ ވަރަށް އުފާވެއްޖެކަމަށް ދެންނެވީމެވެ. ކޯފާވެނުލައްވައި އަޅުގަނޑުގެ ހުރިހާ ވާހަކަތަކެއް އެއްސެވީމާ އުފާކުރަމެވެ. ވަރަށްކެތްތެރިއެވެ! ތިޔައީ މާތްބޭފުޅެކެވެ!


މަޢާފުދެއްވާއި މިނިވަންކޮށް ދެއްވުން:


އަޅުގަނޑު ބޭނުންވާހާ ވާހަކައެއް ބޭނުންވީހާގޮތަކަށް ބޭނުންވަރަކަށް ދެންނެވުމުގެ ފުރުސަތާއި ވަގުތު ދެއްވީތީ، ހިތުގެއަޑިން ޝުކުރުވެރިވާ ވާހަކަ ދެންނަވާފައި، ދެން އިތުރަށް ދަންނަވާނެ ވާހަކައެއް ނެތްކަމަށް ދެންނެ ވީމާ، ރައީސް މައުމޫނު ވިދާޅުވިއެވެ. މިހާރު ތިޔަ އިންނެވީ، އިލްޔާސްގެ މައްޗަށް އިއްވިފައި ހުރި ހުރިހާ ހުކުމަކުން މިނިވަންވެ މުޅިން ސާފުވެފައެވެ. މިނިވަން ވެފައެވެ. ތިމަންނާގެ ފަރާތުން މާފުދީފީމެވެ. ތިމަންނާއަށް ގާނޫނު އަސާސީން ލިބިގެންވާ ބާރުގެދަށުން އިލްޔާސް މިނިވަންކޮށް މި ދޫކޮށްލީއެވެ. މިހާރުން ފެށިގެން މިނިވަން ވީއެވެ. ގެއަށްވަޑައި ގަންނަވަންވީއެވެ.


ދެންމާދަމާ، މިއޮފީހުން އިލްޔާސާ ގުޅާނެއެވެ. ދެން އަނެއްކާވެސް ޝުކުރު ދެންނެވުމަށް ފަހު، އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑާއެކު ބަންދުކުރި ސަރުކާރުގެ ވަޒީފާގައި ތިއްބެވި، އެހެންމީހުން ކަމުގައިވާ، މުހަންމަދު ޝަފީގު ސައްޕެ އާއި މުހަންމަދުރަޝީދު ހުސައިން، ކޮއްކޮ ބިގޭ އާއި މިފަދަ މީހުންނަށް ވަޒީފާއިންވަކި ކުރެއްވިކަން އެ އޮފީސްތަކުން ޖަލަށް ފޮތެއް ފޮނުއްވައި ސޮއިކުރުވާފައި އެންގެވިއެވެ.


އެހެނަސް އަޅުގަނޑަށް އަދިވެސް އަޅުގަނޑުގެ ވަޒީފާއިން ވަކިކުރެއްވިކަން ވަނީ ނާންގަވައެވެ. އެކަމާއަޅުގަނޑު މަނިކުފާނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރުވެރިވަމެވެ. އަޅުގަނޑު ވަޒީފާއިން ވަކިކުރެއްވިކަން ނާންގަވާތީ އަޅުގަނޑު ގަބޫލުކޮށްގެން މިހުރީ އަދިވެސް އެއްކޮށް ވަކިނުކުރައްވައި ވަޒީފައިގައި ވަޒީފާއަށް ނުނިކުންނަ ގޮތަށް، ޖަލަށް ގެނެވުނު އިރުވެސް ބަހައްޓަވާފައި ހުރިގޮތަށް އަދިވެސް ބަހައްޓަވާފައި ހުރީކަމަށެވެ.


ދެން ރައީސް މައުމޫނު އަޖައިބުވެ ވަޑައިގެން ސުވާލު ކުރެއްވިއެވެ. އިލްޔާސަށް ހަމަ ނާންގަވަނީ ތޯއެވެ؟ އާދޭހޭ ދަންނަވާފައި އަޅުގަނޑަކީ އަދިވެސް އެގޮތުން ސަރުގައި ހުރި މީހެކޭ ދެންނެވީމެވެ. އިސްލާމީ މަރުކަޒުން ފޮތެއްގައި ލިޔެ ސޮއިކުރުވާ އަންގަވާފައި ވަނީ ވަޒީފާއަށް ނުނިކުންނަ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން ގޭގައި ބެހެއްޓެވީ ކަމަށެވެ. އޭގެ ފަހުން އެހެން އެއްވެސް އެއްޗެއް ނާންގަވައެވެ.


އެއްވެސް އޮފީހަކުން އަޅުގަނޑު ސަރުކާރުން ވަކިކުރެއްވިކަމެއް ނާންގަވައޭ އަޅުގަނޑު ތަކުރާރުކޮށް ދެންނެވީމާ ރައީސް މައުމޫނު ވިދާޅުވިއެވެ. އިލްޔާސަށް ޝަރުޢީހުކުމެއް އިއްވިފައި ވާތީ ސަރުކާރުގެ ގަވާއިދުތަކުގެ ދަށުން، އިލްޔާސްގެ ވަޒީފައިން ވަކިވާންޖެހޭނެ ކަމަށް ހީފުޅުކުރައްވާ ކަމަށް ވިދާޅުވެ ދެއްވިއެވެ. ކޮންމެވެސް ފަރާތެއްގެ އިހްމާލުން، އެކަން ނުކުރެވި އޮތީކަމަށް ވެދާނެކަމަށް ވިދާޅުވިއެވެ.


އިލްޔާސް ގެއަށްވަޑައިގެން ތިކަމާވެސް ރައީސް އޮފީހަށް ސިޓީއެއް ލިޔުއްވާއި އަދިވެސް ސަރުކާރުގެ ވަޒީގައި ހުންނަން ބޭނުންވާކަމުގައި ލިޔެ ލައްވާށެވެ. އޭރުން އެކަންތައް ހަމަޖެހޭނެއެވެ. ދެން އަޅުގަނޑު އުފާކޮށް ސަލާންގަލާން ކުރުމަށް ފަހު، އެމަނިކުފާނުގެ ކޮޓަރިކޮޅުން ނުކުތީއެވެ. ބޭރުގައި އިސްތިގުބާލުގައި އިސްތަފާ އާއި އަންބަރީ ހުންނެވިއެވެ.


ދެން އަޅުގަނޑު ގެންދެވީ، އިސްތަފާގެ މޭޒު ކައިރިއަށެވެ. އެއަށް ފަހު، ދެންތިރިއަށެވެ. ހިނގާ މިދިޔައީ ކުއްލިޝޮކެއް ކަހަލަ ނާދިރު ބައްދަލުވުމެކެވެ. އަޅުގަނޑު އެންމެ އަޖާއިބުވީ އަޅުގަނޑު ބޮޑު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހުކުމްކުރެވި ބަންދުގައި ބަހައްޓައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ކުރިމައްޗަށް، ކޮމާންޑު ނެރުއްވަން އިންނަވާ ޚާއްސަ ކޮޓަރިކޮޅަށް ވެއްދެވި ވަގުތު، ރައީސް މައުމޫނު އަދި ސިފައިންގެ އެންމެމަތީވެރިޔާ ކަމުގައި ހުންނެވި މައުމޫނު އަބްދުލް ގައްޔޫމް، އިންނެވި މޭޒުކޮޅުގެ ރަސްމީ ގޮނޑިކޮޅުން ކޮޅަށް ތެދުވެވަޑައިގެން، އެގޮނޑިކޮޅުން ފިޔަވަޅެއްވަރު ކުރިޔަށް ޖެހިލައްވައި އަޅުގަނޑާ އަތާއަތްޖޯޑުކޮށް ސަލާމް ކުރެއްވުމަށް ފަހު، އަރަބިބަހުން އަވަހަށް ވަޑައިގެން އިށީންނަވާށޭ ވިދާޅުވި ވިދާޅުވުމާ ގުޅިގެންނެވެ.


މިއީ އެއްވެސް ޝައްކެތްނެތް ގޮތުގައި ރައީސް މައުމޫނުގެ މާތްއަޚްލާގެވެ. އެމަނިކުފާނުގެ ހިތްތިރިކަމެވެ. ހިލްމުވެރިކަމެވެ. އަޅުގަނޑައި ދޭތެރޭގައި ހަރުކަށިކަމެއް، ބޮޑާކަމެއް ނުގެންގުޅުއްވާ ކަމެވެ. ވާހަކަދައްކަވާއި ދެފަރާތުގެ ހިތްޚަލާސް ކުރެއްވިކަމެވެ. އަޅުގަނޑު ތަންކޮޅެއް ދުރުގައި ނުވަތަ އަރިމަތީގައި އާދައިގެ ގޮނޑިއެއްގައި ބޭންދެވިނަމަ ވެސް އެކަން ކުރެއްވުނީހެވެ. އަދި ބޭނުންފުޅުވި ނަމަ އަޅުގަނޑަށް އިތުރު ވާހަކަ ދެއްކުމުގެ ފުރުސަތުން ކަހްރޫމް ކުރެއްވުނީހެވެ.


އެކަމަކު ވެސް އަޅުގަނޑު ސިޔާސީ ހުކުމެއްގައި ހުރި ބޮޑުކުށްވެރިއަކަށް ވީހިނދުވެސް އެއޮފީހުގެ އެންމެމަތީ ގަދަރާއި ޝަރަފު އަޅުގަނޑަށް ރައީސް މައުމޫނު ދެއްވުމަކީ، އެމަނިކުފާގެ މާތްކަމެވެ. ހިތްތިރިކަމެވެ. މަތިވެރިއަޚުލާގެވެ. މިކަން އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަން ޖެހެއެވެ. ހަގީގަތަކީ އެއީއެވެ. އަޅުގަނޑު މައްޗަށްއޮތް ވާޖިބަކީ އެއީއެވެ. އެހެންވުމާއެކު މިއަދު މިގަޑީގައި ވެސް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.


އަޅުގަނޑު އެކޮޓަރިކޮޅަށް ވެއްދުމުން ކޮންމެހެން، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައި ގަންނަވާކަށް ނުޖެހޭނެއެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ފެނިގެންދިޔަ އަޚްލާގީ ސިފަތަކަކީ، އަޅުގަނޑުގެ ހިތުތެރޭގައި އެމަނިކުފާނަށް ހަމްދަރުދީ އާއި އުޚުއްވަތްތެރިކަން އަބަދުގެ އަބަދަށް އުފެދުނު ކަމެކެވެ. އަދި އަބަދާއިއަބަދަށް ވެސް މިކަން ހަނދާން ހުންނާނެއެވެ. އަޚުލާގަކީ ހިތްތައް ފަތަހަކޮށްލާ މަތިވެރި ހަތިޔާރެކެވެ. މިހަނދާނާއެކު ސައްޔިދު އަބުލްއަޢުލާ މައުދޫދީގެ ޚާއްސަ ކޮޓަރިކޮޅަށް އަޅުގަނޑު ވެއްދެވިހަދާން އާވެގެންދެއެވެ.


އަބުލްއަޢުލާ މައުދޫދީ
އަބުލްއަޢުލާ މައުދޫދީ

އެމަނިކުފާނުވެސް އެދުވަހު އިންނެވީ ބޮޑުކޮޓަރި ކޮޅެއްގައި މިފަދަގޮތަކަށެވެ. އެދުވަހު އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ލިޔުއްވަން ފައްޓަވައި ނުނިމިއޮތް ފޮތެއްނިންމާ ލެއްވުމުގެ މަސައްކަތްޕުޅެވެ. މިކަންހިނގީ އަޅުގަނޑު ޕާކިސްތާނުގައި ކިޔަވަންހުރި ދުވަސްވަރު އަޅުގަނޑުމެން ދިވެހިޠާލިބުން ނެރެމުން ގެންދިޔަ ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ، “ޞައުތުލް އިސްލާމް” މަޖައްލާގެ މުޙައްރިރެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ފައިންޕުޅު ދުށުމަށް ލާހޫރަށް ދިއުމަށް އެމަނިކުފާނު ދެއްވި ޚާއްސަ ދައުވަތެއްގެ ތެރޭގައެވެ.


އާދެ! ދެން އަޅުގަނޑު ގާތުގައި، އަންބަރީ އާއި އިސްތަފާ ވިދާޅުވީ، މިހާރު އިލްޔާސް ގެއަށް ދުރުވަންވީއެވެ. ތިޔަ ހުރީ ހުރިހާކަމަކުން، މިނިވަން ވެފައެވެ. ދެން އިސްތަފާ އަރިހުގައި ކުޑަކޮށް ވާހަކަދައްކާލުމަށް މަޑުކޮށްލާފައި ދެން ނުކުތީގެއަށް ދާށެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ތިރީން އަޅުގަނޑާ ހަވާލުވި އޮފިސަރުގާތުގައި އަޅުގަނޑުގެއަށް ދިއުމަށް ވެހިކަލެއް ބޭނުންވާނެއޭ މިތަނަށް ގެނައިވެސް ވެހިކަލެއްގައި ނޫންތޯއޭ ދެންނެވުމުން، ގެއަށް ފޮނުއްވައިދެއްވީ ސިފައިންގެ ވެހިކަލެއްގައެވެ.


ގެއަށް އައިސް އަޅުގަނޑު ވަރަށް އުފާވިއެވެ. އެންމެ ފުރަތަމަ ވެސް ދެރަކްޢަތް ނަމާދެއްކޮށް، ﷲ އަށް ޝުކުރު ދެންނެވީމެވެ. މިހުރިހާދުވަހު، ﷲ ގެ ބެއްލެވުމުގެ ދަށުގައި ސަލާމަތް ތެރިކަމާއި ހިފާޒަތްތެރިކަމުގެ ހިޔާވަހިކަމުގައި ފުރިހަމަ ސިއްހަތުގައި ލެހެއްޓެވީތީ އެތައްހާސް ޝުކުރަކާއި ހަމްދުސަނާ ދެންނެވީމެވެ. ބުއްދިސަލާމަތުން ލަހައްޓަވާއި ޖައްބާރުންނާއި ނުލަފާޖިންނި ޝައިޠޯނުންގެ ވަޙްޝީ ހަމަލާތަކުންނާއި ނުބައި ވަސްވާސްތަކުން މިންޖުކުރައްވައި ސަލާމަތް ކުރެއްވީތީއެވެ!


އަދި މިއަޅާތެދުމަގުގައި ސާބިތުކަންމަތީގައި ލަހައްޓަވާއި އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަބަދަށް ދިރިހުރިހާ ދުވަހަކު ދެމެހެއްޓެވުން އެދިއެވެ! އަދި އަނިޔާވެރިންގެ ކުރިމަތީގައި ހައްގުބަސް ބުނުމުގައި ދެމެހެއްޓެވުން އެދިއެވެ! އާމީން!


އާދެ، މިހާ ހިސާބުން، 879 ދުވަހުގެ މިދިގުބަންދު ނިމުމަކަށް އައިސް، ﷲގެ ރަހްމަތުން މިނިވަންވުމުގެ ސިއްކަ ޖެހުނީއެވެ! އެކަންކޮށް ދެއްވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާއެވެ! މިއީ ކުޑަކަމެއްނޫނެވެ! އަލްޙަމްދުލިއްލާހި ރައްބިލްޢާލަމީން! އާމީން! އިތުރަށް މިގެނެސްދެނީ މިބަންދާގުޅިގެން ހިނގިއިތުރު ކަންތަކުގެ ވާހަކައެވެ.


މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:


ހަމަމިއަދުގެ ވަގުތެއްގައި ސައްޕެ ދޫކޮށްލެއްވިކަމުގެ ޚަބަރުލިބުނެވެ. މިއީ މެންދުރުފަހު ހިނގިކަމެއްކަމަށް ވެއެވެ. ހަމަ މިއަދު ދެންދޫކޮށްލެއްވީ ގ.އުތުރުގޭ މުހަންމަދުޚަލީލް އެވެ. މައްކޮ އަށް މަރްހަބާއެވެ! އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވީއެވެ. މެންދުރުފަހުގެ ވަގުތެއްގައި އޮނަރަބްލް އަބްދު ﷲ ކަމާލުއްދީން ގުޅުއްވާފައި އިލްޔާސް ދޫކޮށް ލެއްވީތީ އުފާކުރާކަމާއި މަރްހަބާ ވިދާޅުވުމަށް ގުޅާލެއްވީކަމަށް ވިދާޅުވިއެވެ. ވަރަށް ހެޔޮފުޅެވެ. ފުރަތަމަ މިގުޅުއްވީ އަޅުގަނޑު ބައިވަރު ތަޖްރިބާތަކެއް ލިބިގަތް އަޅުގަނޑުގެ ފުރަތަމަ މިނިސްޓަރެވެ.


ކައިވެނި ހަފްލާގައި މިނިސްޓަރ އަބްދު ﷲ ކަމާލުއްދީން
ކައިވެނި ހަފްލާގައި މިނިސްޓަރ އަބްދު ﷲ ކަމާލުއްދީން

މައްކޮ އާއި އިލްޔާސް މިނިވަންވީ ޚަބަރު އެއްސެވި ކަމާއި އެކަމާ އެމަނިކުފާނު އުފާކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ދެއްވިއެވެ. އަދި ޖަލުގައި އިލްޔާސް ހުންނަވައިގެން ފޮނުއްވި ސިޓީ ލިބިލެއްވިވާހަކަ ވެސް ވިދާޅުވިއެވެ. ގުޅާލަދެއްވީތީ އަޅުގަނޑު، ވަރަށް ޝުކުރު ވެރިވީމެވެ. އަދި ވެސް ހަންދު އޮތީ، އައިޖީއެމް ހޮސްޕިޓަލުގައެވެ. ބިގޭ ހުރީ، ރ.އަތޮޅު ކިނޮޅޮހުގައެވެ.


21 މެއި 1993 ވީހުކުރު، ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް، ފޮނުވުމަށް ސިޓީއެއްޑްރާފްޓް ކުރީމެވެ. މާދަމާ އޮފީސްތައް ހުޅުވުމުން ފޮނުވާލާ ގޮތަށެވެ. މި ސިޓީ އަކީ ރައީސް މައުމޫނު ވިދާޅުވިގޮތަށް ވަޒީފާކަންތައް އޮތްގޮތް ހަމަޖައްސައި ދެއްވުން އެދި ދަންނަވާ ސިޓީއެވެ.


22 މެއި 1993 ވީހޮނިހިރު ދުވަހު، އިއްޔެ ލިޔުނުސިޓީ ރައީސް އޮފީހަށް ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާލީމެވެ. މި ސިޓީގެ ސްކޭންކޮޕީ އަޅުގަނޑުގެ ސައިޓަށް ލެވޭތޯބަލާނަމެވެ. ބައްލަވާލައްވާށެވެ.


ސަރުކާރުގެ ވަޒީފާއަށް ނުކުތުން:


24 މެއި 1993 ވީހޯމަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސް އިން ފޯނުކޮށްގެން އެއޮފީހަށް އަޅުގަނޑު ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު ލަތީފް އެދިވަޑައި ގަނެގެން އޭނައާ ބައްދަލު ކޮށްލުމަށެވެ. ޑޮކްޓަރ ލަތީފަކީ އޭރު އެމިނިސްޓްރީ ހިންގެވުމާ ހަވާލުވެގެން ހުންނެވި އެ މިނިސްޓްރީގެ ނައިބެވެ. އަޅުގަނޑު އޭނާގެ އަރިހަށް ވައްދަވާފައި ފުރަތަމަ ވެސް އެއްސެވީ، އިލްޔާސަށް އެޓޮލްގައި އުޅުއްވި ދާނެތޯއެވެ؟ އަޅުގަނޑު އާދޭހޭ ދެންނެވީމެވެ. އަދި ކީއްވެތޯއޭ ނޫޅެވެންވީ ދެންނެވީމެވެ.


އަޅުގަނޑުގެ ގާބިލިއްޔަތު ހުރި އެންމެ ފުޅާ މިނެއްގައި އެޓޮލްސްގައި ވަޒީފާ އަދާކުރެވިދާނެ ކުޅަދާނަކަން އަޅުގަނޑުގައިގާ ހުންނާނޭ ދެންނެވީމެވެ. ދެން ގޭގެ ވާހަކަތައް އައްސަވާފައި ޑޮކްޓަރ ވަހީދާއި ދޮންދައްތަ އިލްހާމްގެ ވާހަކަތައް އައްސަވާލައްވައި ހެއްދެވުމަށް ފަހު ވިދާޅުވީ، އެންމެ ރަނގަޅެވެ. ގެއަށް ވަޑައިގަންނަވާށެވެ. ވަޒީފާގެކަންތައް ހަމަޖެހޭނެއެވެ. އެކަން ކުރައްވާނީ ރައީސް އޮފީހުންނެވެ.


ދިގު މުއްދަތެއްގެ ދުވަސްތަކަކަށް ފަހު، މިއީ ފައިމަގު ހިނގާފައި ގެއިންނުކުތް ފުރަތަމަ ފަހަރެވެ. މިދުވަސްކޮޅު އަޅުގަނޑު އުޅެން ޖެހިފައި ވަނީ ފައިމަގުގައި ހިނގާފައެވެ. ހިނގާބިނގާވެ އުޅެނީ، ހޫއްޓޭލައްވާ ހެއްދި އަސާގަނޑު ހިފައިގެންނެވެ. އެއީ ވާއަތުކަކުލަށް ތަދުވާތީއެވެ. އަދި ބައެއްފަހަރު އުނަގަނޑަށް ތަދުވާތީއެވެ. އަސާގަނޑުގެ އެހީއާއި ސަހާރާލިބި ގަނެގެންއެވެ. މިއީ ބައިސްކަލަށް އެރީމާ އުނަގަނޑަށް ތަދުވާތީ ކުރަންޖެހުނު ކަމެކެވެ. މިތަދު އެރީ އެއްހުޅުބިޑީގައި އޮތްދުވަސްވަރު ގައެވެ. އެއީ ހަގީގަތުގައި ވެސް އޮޅުއެޅުވުމެކެވެ. އޭގެ ފަހުން ވިއްސާރަވެ ފިނިވެލާއިރަށް މިތަދު އަބަދުވެސް ބޮޑަށް އަރައިގަނެއެވެ. ތަދު އިހްސާސްކުރަން ޖެހެއެވެ.


27 މެއި 1993 ވީބުރާސްފަތި ދުވަހު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން، ވައިޖެހޭ އިބްރާހީމް ރަޝީދުގެ ދަރިކަލުން، ޑޮކްޓަރ އާސިމް އަޅުގަނޑަށް ގުޅުއްވާފައި އިލްޔާސަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާއެއް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވައިފިކަމަށް ވިދާޅުވިއެވެ. މިވާހަކަ އަޅުގަނޑުކާރީގައި ވިދާޅުވީ ވަރަށް ހެދުނު ގާތްގަނޑަކަށް، އަށެއްޖަހާ އެހާކަންހާއިރުއެވެ.


ކޮންމަގާމެއްތޯ އަޅުގަނޑު ދަންނަވާލީމާ ވިދާޅުވީ، ކުރިންވެސް ހުންނެވި ފެންވަރުގެ މަގާމެއް ކަމުގައިވާ، އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމްކަމަށެވެ. އޭގެ މާނަ އަކީ ކުރިން އިސްލާމީ މަރުކަޒުގައި ހުރި މުސާޢިދު އަމީނުލްމަކްތަބާ މަގާމް އަކީ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ފެންވަރެވެ. އެހެންވުމުން މިއީ އަޅުގަނޑު ބަންދުކުރިއިރު ވެސް އިސްލާމީ މަރްކަޒުގައި ހުރިފެންވަރުގެ މަގާމެކެވެ. ވަޒީފާގެކަންތައް ހަމަޖެހިއްޖެކަން ރަސްމީކޮށް އެންގުމަށް، އިލްޔާސަށް ދެންނެވީ ކަމުގައި އާސިމް ވިދާޅުވިއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވީމެވެ.


އަދި ހަމަ މިއަދު މެންދުރެއްހާއިރު، މިނިސްޓްރީ އޮފް އެޓޮލްސްއިން އަޅުގަނޑާގުޅާފައި މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމަށް އިލްޔާސް ހަމަޖެއްސެވުމަށް ފަހު، އެކަން ރައީސްއޮފީހުން އެ މިނިސްޓްރީއަށް އަންގަވައިފިކަމާއި ދެން ސަރުކާގެ އޮފީސްތައް ހުޅުވޭ ދުވަހު، އިލްޔާސް އެޓޮލްސްއަށް ނުކުތުމަށް އެންގީކަމަށް ބުންޏެވެ. އަޅުގަނޑު އާދޭހެވެ، ﷲ ގެ އިރާދަފުޅާއެކު ނުކުންނާނަމޭ ދަންނަވާފައި ފޯނުބޭއްވީއެވެ.


ވީމާ މާދަމާ ހުކުރުދުވަސް ދޫކޮށްލާފައި ހޮނިހިރު ދުވަސްވާނީ، ޖަލުން މިނިވަންވިފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ އޮފީހަކަށް ރަސްމީކޮށް ނުކުންނަ ފުރަތަމަ ދުވަހަށެވެ. ދޫކޮށްލީ، 20 މެއި 1993 ގައެވެ. އޮފީހަށް ނުކުންނަން މި ޖެހުނީ، 29 މެއި 1993 ގައެވެ. މިހާދުވަސް މިނެގީ ރަސްމީ ސިފައެއްގައި ލިޔުމެއް ނާންނާތީ އަޅުގަނޑަށް ނުކުންނަން ނުކެރި ހުރެވުނީމައެވެ. ވާންޖެހޭ ގޮތަކީ ޑޮކްޓަރ ލަތީފައި ބައްދަލުކުރި ދުވަސްނޫން އެނެއްދުވަހު އެޓޮލްސަށް ނުކުންނަންވީއެވެ.


އާދެ! އަޅުގަނޑުގެ ވަޒީފާއާބެހޭ ހުރިހާވާހަކަތަކެއް މިދެކެވުނީ މުޅިން ވެސްފޯނުންނާއި އަނގަބަހުންނެވެ. ރަސްމީ ލިޔުމެއް ނެތިއެވެ. އަޅުގަނޑަށް އެއްވެސް ކަހަލަލިޔުމެއް، ޗިޓެއް އެއްޗެއް ނުފޮނުވައެވެ. ވަޒީފާއަނބުރާ އިއާދަވީބާވައޭ ވެސް އޭރު ހިތަށް އެރިއެވެ. އަދި ހަމަ މިއަދު މެންދުރެއްހާއިރު، އިސްތަފާ އިބްރާހީމް މަނިކު އަޅުގަނޑާ ގުޅުއްވާފައި ޖަވާހިރުވާދީ އަހްމަދު ރަޝީދު ހުސައިން (ހަންދު) މިއަދުން ފެށިގެން ގޭގައި މަޑުކޮށްލާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވި ވާހަކަ ވިދާޅުވިއެވެ.


މިއީ އަދިވަގުތީގޮތުން ހަމަޖައްސަވައި ދެއްވި ގޮތެއްކަމަށް އިސްތަފާ ވިދާޅުވިއެވެ. މިވާހަކަ ދެކެވުނުތާ މާ ލަސްތަކެއްނުވެ ހަންދު ހޮސްޕިޓަލުން އޭނާގެ އަންހެނުންގެ ގެއަށް، އެސްޖެހިގެއަށް ބަދަލު ކުރެވުނެވެ. ހަންދުއަށް ވެސް ގެއަށް އާދެވުނީއެވެ. ބިގޭ ހުރީ ރާއްޖެ ތެރޭގައެވެ. ހައްތާހާވެސް އުފާވެރި ގޮތްތަކެވެ. އުފާވެރި ޚަބަރުތަކެވެ. ކެތްރެރިކަމުގެ ނަތީޖާ ކަމުގައި ދެކި ގަބޫލުކުރަމެވެ. ޖަވާހިރުވާދީ އެންމެންނަށް ޖަލުން ނުކުމެ ވުނީއެވެ. ގެއަށް އާދެވުނީއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ! އާމީން!


އާދެ! މިއަދަކީ މިނިވަންވީފަހުން، އެޓޮލްސްއަށް ދިޔުންފިޔަވާ ބޭރަށް ނުކުތް ފުރަތަމަ ދުވަހެވެ. އެޅެނީމުޅިން ވެސް ފައިމަގުގައި ހިނގާފައެވެ. އަސާގަނޑު ހިފައިގެންނެވެ. ފުރަތަމަ ދިޔައީ ނައުޝާދު ބާއްވައިގެން އުޅޭ ކުރެހުމުގެ މަޢުރަޟަކަށެވެ. މިއީ މުޅިންވެސް އޭނާގެ އަމިއްލަ ކުރެހުންތައް ދައްކާލުމުގެ ފޮޓޯމަޢުރަޟެކެވެ. މިކަންތައް އިންތިޒާމް ކޮށްފައި އޮތީ، ސޯޝިއަލް ސެންޓަރުގައެވެ.


ހަވީރުވެސް ހިނގާލަން ދިޔައިމެވެ. މުޅިންވެސް އުޅެނީ އަސާގަނޑު ހިފައިގެންނެވެ. ރޭގަނޑު ވަގުތެއްގައި ރަންކޮކާ ރަޝީދުގެއަށް މިންނާއައްތަގެ ބޮޑުބަބާގެ ކައިވެނި ސަޔަށް ދިޔައިމެވެ.


އަޅުގަނޑުގެ ވާއަތްފަރާތުގައި ރަންކޮކާ ރަޝީދު ދެން އަޅުގަނޑާއި ލަންކާގެ އޭރުގެ ވެރިޔާ ސަލާމް ކުރައްވަނީ
އަޅުގަނޑުގެ ވާއަތްފަރާތުގައި ރަންކޮކާ ރަޝީދު ދެން އަޅުގަނޑާއި ލަންކާގެ އޭރުގެ ވެރިޔާ ސަލާމް ކުރައްވަނީ

ދެންއޭގެ ފަހުން ގެއަށް އައީ އިބްރާހީމް ސާބިރުމެންގެ އިރާކުގެއަށް ވަދެފައެވެ. މަގުމަތިން، އޮނަރަބްލް މިނިސްޓަރު އިސްމާއީލް ޝަފީޢުއަށް އަޅުގަނޑު ފެންނައިރަށް އެބޭފުޅާގެ ރަސްމީކާރުކޮޅަށް އަޅުގަނޑު ގަދަކަމުން އަރުވާނެއެވެ. އަރުވައިގެން ގެންގޮސް އަޅުގަނޑު ދާންބޭނުންވާ މަންޒިލަކަށް ބާލައިދެއްވާ ހައްދަވައެވެ. މިއީ އެމަނިކުފާނުގެ އާދަޔާޚިލާފު ހެޔޮފުޅުކަމެވެ.


މިއީ އެދުވަސްވަރު އެބޭފުޅާގެ މާތް އާދައެކެވެ. މިބޭފުޅާއަށް އެކަމަށްޓަކާ ނިހާޔަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރި ވަމެވެ. އަދި މިއީ އަބަދުވެސް ހަނދާންހުންނަ ކަމެކެވެ. އަޅުގަނޑު ނާރަން އުޅެފިއްޔާ އެބޭފުޅާ ކޯފާ އިސްކުރައްވައެވެ. އެހެންވުމުން އެބޭފުޅާއައި މަގުމަތިން ދިމާވާ ކޮންމެ ފަހަރަކު ވެސް އެބޭފުޅާގެ ކާރުކޮޅަށް އެދުވަސްވަރު އަރަން މަޖްބޫރުވެއެވެ.


އަޅުގަނޑު އަސާގަނޑު ދޫކޮށްލަންދެން މިކަންތައް ތަކުރާރުކޮށް ގިނަފަހަރު އެބޭފުޅާ ކުރެއްވިއެވެ. އެބޭފުޅާގެ ބައްޕާފުޅު ހޮނަރަބްލް އަހްމަދު ޒަކީ އަކީވެސް އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސެކެވެ. އެބޭފުޅުންނަކީ މަންމަގެ ރަހްމަތްތެރީންނެވެ. އެގެއަށް ދިއުމުންނާއި އިސްލާމީ މަރުކަޒުގެ ޖަލްސާތަކަށް ވަޑައިގެން އޮފީސްބަޔަށް ވަންނަވާފައި ވަރަށް މަޖާ ކުރައްވާނެއެވެ.


29 މެއި 1993 ވީހޮނިހިރު ދުވަހު، ފުރަތަފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ވަޒީފާއަށް ނުކުތީމެވެ. މިއީ އެ މިނިސްޓްރީއަށް ނުކުތް ފުރަތަމަ ދުވަހެވެ. މަގާމަކީ، މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްޓަރީއެއްގެ މަގާމެވެ. ކައުންޓަރަށް ދިއުމުން، އެތަނުން އަންހެންބޭފުޅަކު އަޅުގަނޑު ގޮވައިގެން މައްޗަށް އަރުއްވާއި އިސްވެރިން ސޮއިކުރައްވާ ހާޒިރީގައި އަޅުގަނޑުލައްވާ ސޮއިކުރުވިއެވެ. ސޮއިކޮށް ނިމުމުން އަޅުގަނޑު ގެންދިޔައީ ޑީޖީ ފާތުމަތު ޝީރީން އަރިހަށެވެ.


ގިނަގުނަ ހަނދާންތަކެއް އެކުލެވޭ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓެރޭޝަން
ގިނަގުނަ ހަނދާންތަކެއް އެކުލެވޭ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓެރޭޝަން

ޝީރީން، އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވުމަށް ފަހު، އަޅުގަނޑު ގޮވައިގެންވަޑައިގެން ދެއްކެވީ އަޅުގަނޑު އިށީންނަންވީ މޭޒާއި ގޮނޑިއެވެ. އަޅުގަނޑުގެ މޭޒާއެންމެ ކައިރީގައި ހުންނަނީ، ރަހީމާ އަބްދުލްގާދިރު ގެ މޭޒެވެ. ޖުމްލަގޮތެއްގައި ހުރިހާކަމެއްވެސް ފުރިހަމައެވެ. އޮފީހުގެ މާއުހައުލު ވެސް ރަނގަޅެވެ. ހިތްހަމަޖެހުނެވެ. ދެން ނުކުތީ އޮފީސް ތެރޭގައި ހިނގާލާށެވެ. ރަހީމާ، ރަހީއާއެކުގައެވެ. ރަހީ ވެގެންދިޔައީ އެޓޮލްސްއިން އަޅުގަނޑުގެ ފުރަތަމަ ރަހްމަތްތެރިޔާއަށެވެ. ގިނައިން ވާހަކަދައްކާ ފުރެންޑަކަށް ވީއެވެ. ގިނައިން ހިނިތުންވާ ރީތި ޒުވާން އަންހެނެކެވެ.


އެއަށް ފަހު، ޒިޔާރަތްކުރީ ވައިޖެހޭ އިބްރާހީމް ރަޝީދު އަރިހަށާއި އަލީޔޫސުފްފުޅު އަރިހަށެވެ. ވައިޖެހޭ އަކީ ކުޑަކޮށް އަޅުގަނޑު ދަންނަބޭފުޅެކެވެ. އިސްލާމީމަރުކަޒުންނެވެ. އެހެނަސް ސަތާވަރީ އަލިފުޅަކީ އެއްގޮތަކަށް ވެސް މީގެކުރިން އަޅުގަނޑު ދަންނަބޭފުޅެއް ނޫނެވެ. އަލިފުޅުގެ ދަރިފުޅެއް ކަމުގައިވާ ޝިމްލާ އަޅުގަނޑު ދަންނަމެވެ. ކޮންމެއަކަސް މިދެބޭފުޅުންނަކީ ވެސް ވަރަށް ހިތްހެޔޮ ދެބޭފުޅުންނެވެ. އަޅުގަނޑަށް ވަރަށްބޮޑަށް އިހްތިރާމް ކުރެއްވިއެވެ. ގާތްކަން ބެހެއްޓެވިއެވެ. ވަރަށް ހީހީފައި މަޖާކޮށް ހެއްދެވިއެވެ. މީގެ ފަހުން މިދެބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށްގާތް ދެރައްޓެހިންނެވެ. ކޮންމެ ދުވަހަކު ވެސް އެއްފަހަރު އެބޭފުޅުންގެ މޭޒަށް ޒިޔާރަތް ކުރަމެވެ. މުޅިދުވަސް އެއްކޮށް ދުއްވާލެވުނީ ތަޢާރުފްވުމާއި މީހުންނާ ބައްދަލުކޮށް އަނގަތެޅުމުގައި ވަރަށް މަޖާ މާހައުލެއްގައެވެ.


30 މެއި 1993 ވީއާދީއްތަ ދުވަހަކީ ރަސްމީބަންދު ދުވަހެކެވެ. 1413 ވަނަ އަހަރުގެ ހައްޖުދުވަހެވެ. އާދެ! މާތްވެގެންވާ ޢަރަފާތު ދުވަހެވެ. ހޯމަ ދުވަހަކީވެސް ރަސްމީބަންދު ދުވަހެކެވެ. އަޟުޙާޢީދު ދުވަހެވެ. އާދެ! ދިވެހިން ޒަމާނުއްސުރެ ދަންނަ މާތްވެގެންވާ ބޮޑުއީދު ދުވަހެވެ. މިއަދު އީދުކާޑުތަކާއި ވަރަށްގިނަ ފަރާތްތަކުން އީދުމުބާރަކާއި ތަހުނިޔާ ރައްދުކުރިއެވެ. ރައީސް މައުމޫން ދެކަނބަލުންގެ ފަރާތްފުޅުން ވެސް ވަރަށް ރީތި ކާޑެއްލިބުނެވެ.


15 ޖޫން 1993 ވީއަންގާރަ ދުވަސް، މިއަދުމެންދުރު ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާ މިނިވަންކޮށް ދެއްވީކަމަށް އިސްތަފާ އަންނިއަށް އެންގެވިއެވެ. އަދި މިއަދަކީ، 6 ވަނަ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ އާއި ލެގޫންސް ކްލަބް ދެވަނަފަހަރަށް ފައިނަލްމެޗްގައި ބައްދަލުކޮށް ކުޅުނު ދުވަހެވެ. މިމެޗުން މޮޅުވީ، 3 ލަނޑު، 2 ލަނޑުން ވިކްޓްރީ ސްޕޯޓްސް ކަލަބެވެ.


އަންނިއަށް މިމެޗްބަލަން ދަނޑަށް ދެވޭނެއެވެ. މިމެޗްއޮތީ މާލޭގެ ރަސްމީ ބޯޅަދަނޑުގައެވެ. ހަންދު އަދިވެސް ހުރީ މާލޭ ގައެވެ. އެސްޖެހިގޭގައި ގޭބަންދު ކޮށްފައެވެ. ބިގޭ ހުރީ ރ.ކިނޮޅޮހުގައެވެ. މިހާރުވަނީ އެއްމަސް ދުވަސް އިތުރުކޮށް ދެއްވާފައެވެ. އަދި މުހަންމަދު އަބްދުއްރައްޒަގުގެ ހުކުމުން ބާކީއޮތްބައި އަރުވާލުމުން ގޭގެބަންދަށް މާލެއަށް މިއަދު ބަދަލު ކޮށްދެއްވިއެވެ. ގިނަލުއިތަކެއް ލިބި އެންމެންހެން މިނިވަންވެ ނިމެނީއެވެ.


މިނިސްޓްރީ އޮފް އެޓޮލްސްއަށް ނުކުންނަންފެށިތާ ދެވަނައަށްވި ދުވަހު އެމިނިސްޓްރީގެ ނައިބު ޑޮކްޓަރ ލަތީފުއަރިހަށް ގެންދެވުމަށް ފަހު، އަޅުގަނޑާ ހަވާލުކުރެއްވި މަސްއޫލިއްޔަތަކީ، މިނިސްޓްރީގެ ތަހުގީގު ސެކްޝަނުގެ ވެރިކަމެވެ. ހެޑްއޮފް ލީގަލްސެކްޝަން ކަމުގެ މަގާމެވެ. މިއަދުންފެށިގެން ތަހުގީގު ޝެކްޝަނުގެ ހުރިހާކަމެއް ބެލެހެއްޓުން ރަސްމީކޮށް އަޅުގަނޑާ ހަވާލުކުރައްވައި ހުރިހާ މުވައްޒަފުންނަށް އެކަން އޮފީސްތެރޭގެ މެމޯއެއް، ނޯޓެއް ފޮނުއްވައި އަންގަވައިފިއެވެ.


މިސެކްޝަނަކީ ވަރަށް ތަޖްރިބާކާރުންގިނަ ސެކްޝަނެކެވެ. ތަޖްރިބާއިން ފުރިގެންވާ އުމުރުން ދުވަސްވީ މީހުންގިނަ ސެކްޝަނެކެވެ. މިސާލަކަށް އެތައްޒަމާނެއްގައި ގާޒީކަން ކުރެއްވި، ދަރަވަންދޫ ޔޫސުފު އަލިފުޅާއި އަތޮޅުވެރިކަން ކުރެއްވި ނ.ކެނދިކުޅުދޫ އަބްދުއްރަހްމާނާއި އުގުލު މުހަންމަދުއަލީ އާއި މިފަދަބޭފުޅުން ހިމެނޭ ސެކްޝަނެކެވެ.


އަދި ވެސް ކުޑަރިކިލު މުހަންމަދުޖަލީލާއި ދެރަހަ އަބްދުއްރަޝީދު މެންފަދަ ބޭފުޅުން މިބައިގައި ތިއްބެވިއެވެ. އަދިވެސް ވ.ކެޔޮދޫ، އިބްރާހީމް ކަލޭފާނާއި އުސްތާޒު އަލީއާދަމްމަނިކާއި ސީނުހުޅުދޫ އައްޝައިޚް މުހަންމަދު ސައީދު (ދިޔާނާސައީދުގެ ބައްޕަ) މެންފަދަ ހަރުބޭފުޅުން މިސެކްޝަނުގައި ތިއްބެވިއެވެ.


މިފަދަ ތަޖްރިބާހުރި ގިނަ ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑަށް މިލިބުނު ފުރުސަތަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފިލާވަޅެކެވެ. ތަޖްރިބާއެކެވެ. ވެގެންދިޔައީ އަގުހުރި އިލްމީ މަސައްކަތެކެވެ. މާސިންގާ ތަޖްރިބާ ތަކެކެވެ. ޑޮކުޓަރު ލަތީފަށް ހާސްހާސް ޝުކުރު ހުއްޓެވެ.


އަޅުގަނޑު ހެދިގޮތަކީ ސެކްޝަނުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ނުނިމި ފުނިޖެހިފައިހުރި ހުރިހާ މައްސަލަތަކެއް އެކިއެކި ބޭފުޅުންނަށް ބަހާލާފައި އެންމެން އެއްތަނެއްގައި ބޮޑުމޭޒެއްގައި ތިބެގެން ކޮންމެ ދުވަހަކުވެސް މިމަސައްކަތް ކުރާގޮތަށް ނިންމީއެވެ. މިކަމަށް ޚާއްސަކުރީ، ނައިބަށް ދަންނަވައިގެން މިނިސްޓްރީގެ ކޮންފަރެންސް ހޯލެވެ. ޖަލްސާއެއް ކަމެއް ނޯންނަ ހުރިހާ ވަގުތެއްގައި ބޭނުންކުރާ ގޮތަށެވެ. އެވަގުތުތަކުގައި އަޅުގަނޑު ވެސް ގިނައިން އިންނާނީ އެހޯލުހައެވެ.


ކޮންމެބޭފުޅަކު ވެސް ނިންމަވާގޮތް އަޅުގަނޑަށް ދައްކާއި މަޝްވަރާކޮށް ލެއްވުމަށް ފަހު، އަޅުގަނޑު މިނިސްޓަރަށް ރިޕޯޓުކޮށް ދަންނަވާގޮތަށް ހަމަޖައްސާލީ ހުރިހާބޭފުޅުންގެ ރުހުމާ އެކުގައެވެ. މަޝްވަރާގެ ފައިދާ އަކީ މިއެވެ. މިގޮތުގެމަތިން ވަރަށް ހަލުއިކޮށް އެސެކްޝަނުގައި ފުނިޖެހިފައި ނުނިމިހުރި މައްސަލަތައް ބެލުމުގެ މަސައްކަތްތައް ކުރިޔަށް ހިނގައިގަތެވެ. ނުނިމި ގިނަދުވަސް ވެފައިހުރި ބައިވަރު މައްސަލަތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނެވެ.


މީގެތެރެއިން ފުރޭނިގެން ނިކުތްބޮޑެތި މައްސަލަތައް ހިފައިގެން ޖެހުނީ އަތޮޅުތެރެއަށް ދަތުރު ހަދއިގެން ދާށެވެ. ދެހަފްތާއެއްގެ ތެރޭގައި ދ.އަތޮޅަށް ގޮސްގެން ބަލަންހުރި މައްސަލަތައް ހިފައިގެން، އަޅުގަނޑަށް ޖެހުނީ އަލީއާދަމް، އަލީބެ ގޮވައިގެން ފުރާށެވެ. ދަންނަވާލުމާއެކު މިދަތުރަށް މިނިސްޓަރ ހުއްދަދެއްވިއެވެ. އަދި ދަތުރު ހަމަޖައްސަވައި ދެއްވިއެވެ. އެއަތޮޅަކީ ބޮޑުއަތޮޅަކަށްވާތީ ވަރަށްގިނަ މައްސަލަތައް ގެންދަންޖެހުނެވެ.


އަތޮޅުގެ ހުރިހާރަށަކަށް ދަތުރުކޮށް މިކަންތައްތައް އެކުގައި މުޅިން ނިންމާލެވުނީ، 15 ދުވަސް ފަހުންނެވެ. އަޅުގަނޑައި އެކު މަސައްކަތް ކުރައްވަން ތިއްބެވި ގަނަ ބޭފުޅުްނަކީ މައްސަލަ އަވަހަށް ނިންމުމަށް ބާރު އެޅުއްވުމަށް ވުރެ ކަރުދާސްކޮށް ގިނަދުވަހަށް ދަންމަން ބޭނުން ވެލައްވާ ބޭފުޅުންކަން ފާހަގަ ކުރެވުނެވެ. ކަރުދާސްކޮށް ދިގުދެންމުމުގައި އަރިމަތީންދާ ނުސީދާ ކަންތައްތަކެއް ހުންނާތީއެވެ. ދ.އަތޮޅުގެ އަތޮޅުވެރިޔަކަށް އޭރު ހުންނެވީ، އަފީފު ކިޔާ ކުޑަހުވަދޫގެ ބޭފުޅެކެވެ.


ލޮބުވެތިބައްޕަގެ ފަތްކޮޅު
ލޮބުވެތިބައްޕަގެ ފަތްކޮޅު

މިއަތޮޅުގެ އަތޮޅުވެރިކަން އަޅުގަނޑުގެ ލޮބުވެތި ބައްޕަވެސް ކުރެއްވި ކަމާއި ބައްޕަގެ މަސައްކަތްތެރި ކަމުގެބައެއް ވާހަކަތައް އަފީފު، އަޅުގަނޑަށް ކިޔައި ދެއްވިއެވެ. އަދި އަތޮޅުތެރެއިން ދިމާވިބައެއް ބޮޑުންގެ ފަރާތުން ބައްޕަގެ ދުވަސްވަރުގެ ވާހަކަތައް ގިނައިން އަޑުއިވުނެވެ. ބައްޕަ ދެނެލައްވާ ވަރަށްގިނަ އިއްޒަތްތެރިންނާ މިއަތޮޅުގެ ރަށްތަކުން އަޅުގަނޑާ ދިމާވިއެވެ. ހުރިހާރަށަކަށް މިބުރުގައި ދާންޖެހުނެވެ. މައްސަލަތައް ހުރިގޮތުން މިދަތުރުގައި މީހުންއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރީމެވެ.


އެދުވަސްވަރުގެ ބައްޕަގެ ފޮޓޯއެއް އަފީފު، އަޅުގަނޑަށް ދައްކަވާ ލެއްވިއެވެ. މިދަތުރު ވެގެންދިޔައީ ވަރަށްމަޖާ އަދި ވަރަށްތާރީޚީ އިބްރަތްތަކެއް ލިބިގެންދިޔަ ބޭނުންތެރި ދަތުރަކަށެވެ. އެނބުރިއައިސް އަޅުގަނޑުމެންގެ ނައިބު ޑޮކްޓަރ ލަތީފަށް ވަރަށް ޝުކުރު އަދާކުރީމެވެ.


މިހާ ހިސާބުން އެއްއަތޮޅަށް ފަހު، އަނެއްއަތޮޅަށް ދާންޖެހުނެވެ. ރާއްޖެތެރެއަށް ވަރަށް ގިނައިން ދާންޖެހެއެވެ. އެންމެ ފުރަތަމަ އެޓޮލްސްއިން މުސާރަނެގީ އެކަމަށް އޮންނަ ޚާއްސަފޮތުގައި ސޮއިކުރުމަށް ފަހު، ޖޫންމަހުގެ މުސާރައަށްވާ، 1200 ރުފިޔާ އާއި މެއި މަހުންނުކުމެވުނު ދުވަހަށްވާ ފައިސާކޮޅާއެކު ޖުމްލަ، 1489.70 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަނުވަ ރުފިޔާ ހަތްދިހަލާރީ) އެވެ.


މިފައިސާނެގީ، 21 ޖުލައި 1993 ވީބުދަ ދުވަހުގައެވެ. މިއީ، ދ.އަތޮޅުން އެނބުރިއައިސް އޮފީހަށް ނުކުތް ދުވަހެވެ. އަދިވެސް ދެވަނަ ފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާދެއްވިކަމުގެ ޗިޓެއް ނުވަތަ އެއްވެސް ކަހަލަ ރަސްމީ ލިޔުމެއް އަޅުގަނޑަކަށް ނުލިބެއެވެ. ރައީސް އޮފީހުން ޑޮކްޓަރއާސިމް ފޯނުކުރައްވާފައި އެޓޮލްސްއަށް ނުކުތުމަށް ވިދާޅުވުމުން ނުކުތްގޮތަށް އަދިވެސް މިހުންނަނީއެވެ. ރަސްމީކޮށް ލިޔެކިޔުމުން އެއްވެސް އެއްޗެއް ނާދެއެވެ. ޗިޓެއް ނުލިބެއެވެ. ފޮތެއްގައި ލިޔެފައިވެސް އެއްޗެއް ނާންގައެވެ. މިހާ ހިސާބުން، ތިންވަނަބުރުގެ ޖަލުހަނދާން އެކުގައި ލިޔެ ނިމުނީއެވެ. والحمد لله! ~ނިމުނީ~


އަތުގައި އޮތްހެއްކަކީ މިއެވެ. އެޓޮލްސްއަށްބަދަލުވިލިޔުމެއްނެތެވެ. ލިބުނު ޗިޓަކީ ފަހުން އަންޑަރސެކްރެޓަކީކަމަށް ޕުރޮމޯޓުވި ޗިޓެވެ.
އަތުގައި އޮތްހެއްކަކީ މިއެވެ. އެޓޮލްސްއަށްބަދަލުވިލިޔުމެއްނެތެވެ. ލިބުނު ޗިޓަކީ ފަހުން އަންޑަރސެކްރެޓަކީކަމަށް ޕުރޮމޯޓުވި ޗިޓެވެ.

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page