ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (7 ވަނަބައި)
*1990 ވަނަ އަހަރު ބޯކޮށިގޮތަށް ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާހުރެފައި ބޯކޮށާލާއި ތުނބުޅި ރީތިކޮށްލުމުގެ ވާހަކަ:
*ޖަލުތެރެއިން ބޮޑުސަރަހައްދެއް ސާފުކޮށް ދަނޑުވެރިކަން ކުރުމަށް ހަވާލުކުރި ވާހަކަ:
*ރުކެއް ރާކުރެވޭތޯ މަސައްކަތް ކުރުން:
*ޒުވާނުންނާ ގުޅޭ ފުރަތަމަ ގައުމީޖަލްސާ އާއެކު އަންހެންކުއްޖަކު ފުރަތަމަފަހަރަށް ޖަލުގައި ބަންދުކުރުން:
*ޖަލުގައި ހުންނަތާ، 700 ވަނަ ދުވަސް:
*ރުށް ރާކުރުމުގެ ސާމާނު ޖަލަށް ލިބުން:
*ޖަލުގައި ހުރެގެން ދިވެހިބޭންކުން ފުރަތަމަފަހަރަށް ހިއްސާވިއްކަން ފެށުމުން ހިއްސާގަތުން:
*އާއަހަރު ފާހަގަކުރުމަށް ޖަލުގައި ބޭއްވި ތަމްސީލު ޝޯ:
*1990 ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި، 1992 ވަނަ އަހަރުގެ ނިޔަލަށް ބަންދުކޮށް ހުކުމް އިއްވުނު މީހުންގެ ނަންތަކާއި އިއްވުނު ހުކުމްތަކުގެ ވާހަކަ:
*1990 ވަނަ އަހަރުމާލެތެރޭގައި އުފެދުނު، ބިންބިފޯހުގެ ސިއްރުރޭވުމެއްގެ ވާހަކަ:
1990 ވަނަ އަހަރު ބޯކޮށިގޮތަށް ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާހުރެފައި ބޯކޮށާލާއި ތުނބުޅި ރީތިކޮށްލުމުގެ ވާހަކަ:
7 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 654 ވަނަ ދުވަހެވެ. މިއަދު ހެނދުނުސައި ބޮއިނިމިގެން ހެދިގޮތަކީ، އިއްޔެނިޔަތް ގަތްގޮތަށް، ބޯކޮށާއި ތުނބުޅިކޮށާއި މާލޭގައި ހުންނަ ސިފައާއި އެ ސޫރައަށް މީހާ ބަދަލުވީއެވެ. މިއީ ވަކިމީހެއްގެ މަޖްބޫރުން ކުރި ކަމެއް ނޫނެވެ. އެހެނަސް މިކަމުގެ ކްރެޑިޓް އިސްތަފާއަށް ހައްގުވާނެއެވެ. މިކަންކުރުމަށް އަޅުގަނޑުގެ ހިތަށް ވަނީ، އިސްތަފާއާ އިއްޔެ ވާހަކަ ދައްކަވާ ނިންމާލުމަށް ފަހުއެވެ. ބައެއް ފަހަރު ގެއަށްދެވުނު ދުވަހަކުން ނޫނީ، މިކަން ނުކުރާނަމޭ ވެސް ހިތަށް އަރާހެދިއެވެ.
ކޮންމެއަކަސް މިބުރުގައި ޖަލަށްލީއްސުރެ ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާ ހުރެފައި ބޮލާއިތުނބުޅި ކޮށާލީ މިއަދެވެ. ބޮލަށާއި ސިކުނޑިޔަށް ފެންވަރާ ލުމުން ވަރަށް އަރާމުކަން ލިބި ވަރަށްބޮޑަށް ފަސޭހަވެގެން ދިޔައެވެ. މިއަދާހަމައަށް ދެއަހަރު ވަރުވީއެވެ. އެންމެފަހުން ބޯކޮށައިދިނީ، ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އެއީ އަޅުގަނޑު މަންތިރި މައްސލާގައި ޖަލުގައި ބަހައްޓާފައި، 45 ދުވަސް ހަމަވެގެން ގެއަށްގެނައި ދުވަހުއެވެ. ގޭގައި ބެހެއްޓީ އެންމެ ދެ ދުވަހުއެވެ.
45 ދުވަސް ހަމަވުމުން، އަނެއްކާވެސް ގެނެސް ދޫނިދޫޖަލަށް ލީއެވެ. އަދިވެސް މިހުންނަނީ އެގޮތަށެވެ. އެފަހަރުގެ ބޯކޮށުން ތުނބުޅިއާއެކު، ހޫއްޓޭ ކޮށައި ދިނީ، ޖަވާހިރުވާދީގައި، 1990 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ، 23 ވީއާދީއްތަ ދުވަހުގެ މެންދުރު، 11:45 ގައެވެ. ދެން އެހުރިގޮތަށް މިއަދާޖެހެންދެން ވެސްހުރީ ބޮލުންނާއި ތުނބުޅިން އެއްގޮތަކަށް ވެސް އިސްތަށްޓެއް ނުކަނޑައެވެ.
މިގޮތަށް މިކަން ކުރަން ޖެހުނީ ސަބަބެއް އޮވެގެންނެވެ. މިބުރުގައި ކުޑަގޮޅީގައި ބަންދުކުރިފަހުން އެއްދުވަހެއްގައި ސުލައިމާނު ސަރުދާރު ކައިރީގައި ތުނބުޅިކޮށާލާއި ރީތިކޮށްލަން ކަތުރެއް ގެނެސްދިނުމަށް އެދުމުން، ސުލޭމާނު ސަރުދާރު ބުނުއްވީ، ނުލިބޭނެ ކަމަށެވެ. ދުވަހަކު ތުންބުޅި ނުކޮށިޔަސް ކަތުރެއް ނުލިބޭނެއެވެ. އެއީ ކުށްވެރިންނަށް ދިނުން މުޅިން މަނާއެއްޗެކެވެ. ކަތުރެއް ނުލިބޭނެއެވެ. ފެންވަރާ ދުވަހު ތުނބުޅިބާލާށެވެ.
ކަތުރަކަށް އަޅުގަނޑު އެދުނީ ކުޑަގޮޅީގައި ފެންނުވަރާ ގިނަދުވަސް ވާގޮތަށް އޮންނައިރު ތުނބުޅިދިގުވުމުން ހިރުވާއި އުނދަގޫވާތީއެވެ. އަޅުގަނޑުގެ ތުނބުޅިކޮށާއި ތުނިކޮށްލާނެގޮތް ސަރުދާރު ސުލައިމާނު ހަމަޖައްސައި ނުދެއްވީމާ، އެކަމުގެ އިހްތިޖާޖެއްގެ ގޮތުން ބޯނުކޮށާއި ތުނބުޅިނުކޮށައި އެހުރިގޮތަށް މިއަދާހަމައަށް ދޫކޮށްލާފައި ބެހެއްޓީއެވެ.
އެހެނަސް ބޭނުމިއްޔާ ހުކުރުދުވަހު ފެންވަރަން ނެރޭއިރު ރޭޒަރެއް ތިލަޔަކާ އެކު ދެއެވެ. މިގޮތަށް ތުނބުޅިބާލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. ފަހަކަށް އައިސް ތުނބުޅި ދިގުކަމުން ބަހައްޓަން ޖެހެނީ ދަތްދޮޅިދޮށުން ތުނބުޅި ބަނދެފައެވެ. މިގޮތަށް ހުއްޓާނެގިފައިވާ ފޮޓޯއަކީ، ޖަވާހިރުވާދީއަށް މާމައާއި ބައްދަލުކުރުމަށް ގެންދިޔަދުވަހު ނެގިފޮޓޯއެވެ. މިފޮޓޯ އަޅުގަނޑުގެ ސައިޓުގަޔާއި ފޭސްބުކްގެ އެކައުންޓުގައި ފެންނަގޮތަށް މަތިކޮށްފައި ހުންނާނެއެވެ. ބައްލަވާލައްވާށެވެ.

އޭރުއަބަދުވެސް އުޅެނީ ބަންނަރަބަރުން ތުނބުޅިއާއި އިސްތަށިގަނޑު ބަނދެގެންނެވެ. ބޯކޮށާއި ތުނބުޅިރީތިކޮށްލީ މިއަދުހެނދުނު، 8:30 ގައެވެ. މިކަންކޮށްދިނީ އަޅުގަނޑު މެންނާއެކު ޖަލުގައި ހުރި، އާދަންޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލިގްރޫޕްގައި ހިމެނޭ ވާފިރު (ވާއްޕެ) އެވެ. އޮފީހުގައި ނަސީމު ކައިރީގައި ބުނެލާއިރަށް ވާއްޕެ މިބަޔަށް ގެނެއެވެ. ހޫއްޓެ އަޅުގަނޑުގެ ބޯކޮށައިދިން ދުވަހުނެގި ފޮޓޯވެސް އަޅުގަނޑުގެ ސައިޓްގަޔާއި ފޭސްބުކްގެ އެކައުންޓުގައި މަތިކުރެވިފައި ހުންނާނެއެވެ. އެފޮޓޯނަގާފައި ހުންނާނީ ގަމީސްނުލައެވެ. ގަމީސްނުލާ އެހެރީ ބޯކޮށިގޮތަށް ފޮޓޯނަގާށާއި ހިކިފައިހުރިވަރު ދައްކާލުމަށެވެ. ބައްލަވާ ލައްވާށެވެ.

8 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 655 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. މިއަދު ކުޅުމާއި މޫދުގައި އުޅުނުއިރު އިސްތަށިގަނޑު ނެތީމާ ވަރަށްބޮޑަށް ފަސޭހައެވެ. ބޮލާއި ސިކުނޑިޔަށް ވަރަށްއަރާމެވެ. މޫދަށްދާއިރު ބަހައްޓަނީ ބޮލުގައި ޒައިތޫނިތިޔޮ ވަށާފައެވެ. ކަސްރަތަށް ނުކުންނަ އިރު ވެސް ބަހައްޓަނީ މުޅިގައިގާ ޒައިތޫނިތިޔޮ ގިނައިން ވަށާފައެވެ. ހަމާއި މަސްގަނޑަށް އޭރުން ވަރަށް ރަނގަޅެވެ. ތާޒާކަން ގެނެސްދެއެވެ. އަވިލިބުމުން ހަކަތަލިބެއެވެ.
9 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 656 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަ ދުވަހެކެވެ.
10 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 657 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ވިންޓަރާއި ސައްޕެއާއި ނާސިރުގޭގެ މީހުންޖަލަށް އައިސް މިމީހުންނާ ބައްދަލުކުރިއެވެ. ސައްޕެގޭގެ މީހުންނާއެކު އަބަދުވެސް ނާސިރުގޭގެ މީހުން އާދެއެވެ. މިހެންވަނީ، ނާސިރުގެ ހުރިހާކަމެއް ބަލަހައްޓާ މީހަކީ ސައްޕެ ކަމުގައި ވާތީއެވެ.
11 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 658 ވަނަ ދުވަހެވެ. މިއަދު ސައްޕެ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމަ އާއި ތުއްތަ އާއި ޒަހީނުބެ މިއަދުޖަލަށް، އަޅުގަނޑުމެންނާ ބައްދަލުކުރުމަށް އައެވެ. މިއަދުގެ ބައްދަލުވުން ހިނގާދިޔައީ ވަކިވަކިންނެވެ. އަބްދު ﷲ ހުސައިނާ ވެސް ބައްދަލުކުރިއެވެ. އަބްދު ﷲ ހުސައިނަކީ ވެސް އަޅުގަނޑުމެންގޭގެ އެއްބަޑުއެއްބަފާ ކަހަލަ ކުއްޖެކެވެ. ގެއިން ކެއުމުގެވަރަށް ގިނަސާމާނު ލިބުނެވެ. އަބްދު ﷲ ހުސައިނަށް ވެސް ބައެއްސާމާނު ހުއްޓެވެ.
12 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 659 ވަނަ ދުވަހެވެ. ބޭރުގައި ޑްރަގް މައްސަލައެއްގައި ބަންދުކޮށް ފައިހުންނަ، ޝަންމި މިއަދު މާލެ ގެންދިޔަ ޚަބަރު ލިބުނެވެ. މީނާގެފަރާތުން މިއަދު ހަވީރު ލިބުނު ޚަބަރަކީ އުފާވެރި ޚަބަރެކެވެ. މއ.ސިލްވަރސީން އަލީވަހީދު ހަސަން މަނިކު މިނިވަންކޮށް މުޅިން ދޫކޮށްލައިފި ވާހަކައެވެ. މިކަން ހިނގާފައި ވަނީ މީނާ ބުނާ ގޮތުން ނަމަ، މިދިޔަ ހަފްތާގައެވެ.
އަރުވާލާފައި ހުއްޓާގެނެސް މިނިވަންކޮށް ދޫކޮށް ލެއްވީއެވެ. ރައީސް މައުމޫނުގެ ދީލަތި އިނާޔަތެއްގެ ގޮތުގައެވެ. އަބަދުވެސް ގައިދީން މިނިވަންކޮށް ދޫކޮށްލައްވަނީ ރައީސް މައުމޫނުގެ ދީލަތިފުޅު ކަމުންނެވެ. ބޮޑުއިނާޔަތެއްގެ ގޮތުގައެވެ. އާއިލާއަށް ވެދެއްވާ ބޮޑުއެހީއެއްގެ ގޮތުގައެވެ. މިކަންވަނީ މިގޮތަށް މީހުންގެ ހިތަށް ވައްދައި ދީފައެވެ. ރައްޔިތުންގެ އަޅުވެތިކަން ބޮޑީއެވެ. މިއީ ރާއްޖޭގައި ގައިމުކޮށްފައި އޮންނަ ވަރަށް ނުބައި ސަގާފަތެކެވެ. މިއީ މީހުންގެ ސިކުނޑިދޮވެލުމަށް އަޅުވާފައި އޮންނަ ބޮޑުސަތަރިއެކެވެ.
ހަމައެގޭ ނައުޝާދު ވަހީދު ހަސަން މަނިކު ވެސް މިނިވަންކޮށް ދޫކޮށްލާފައި ވަނީ މިދިޔަ ހަފްތާގައެވެ. ނައުބެ ދޫކޮށްލީ ދުވަސްކޮޅަކު ގޭގައި ބަހައްޓާފައެވެ. 1990 ވަނަ އަހަރު ބޮޑުޑިމޮކްރެސީއަށް ހިންގިހަރަކާތް ތަކުގައި އަމަލީގޮތުން ބައިވެރިވި މީހުން، މިނިވަން ކުރަން ފެށުނީއެވެ. ސިލްވަރސީނުން ދެމީހުން މިނިވަންވީއެވެ. މިކަމުގައި އެގެއިން ހުކުމް ކުރީ މި ދެމީހުންނަށް އެކަންޏެވެ.
13 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 660 ވަނަ ދުވަހެވެ. މިއަދު ލޭޑީ އިބްރާހީމް މަނިކު ޖަލަށް ދުރުވިއެވެ. ނެރުނީ އަންނިއެވެ. އިތުރު ސުވާލުތަކެއް ކުރާށެވެ. އަންނި، ރައީސް މައުމޫނު އަރިހަށް އޭނާގެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމަށް ބޭނުންވެގެން ލިޔުނު ސިޓީއަކާ ގުޅުވައިގެންނެވެ. އަންނި ލިޔުނު ވާހަކަތައް ސަރުކާރަށް ކަމުނުގޮސް، މިނިސްޓްރީ އޮފް ޑިފެންސުން އިތުރު ސުވާލުތަކެއް ކުރަންބޭނުންވީއެވެ.
ވަރަށް ހެއްވާކަމެކެވެ! ޝަރުއީކޯޓަކަށް ލާ ސިޓީއަކާ ބެހޭގޮތުން ސުވާލުކުރަނީ، ޑިފެންސުން ސިފައިން ފޮނުވައިގެންނެވެ. މިއިން މިސާބިތު ވަނީ ހައިކޯޓުން ރައީސްއޮފީހަށް ސިޓީނުލިޔެ އެއްވެސް ކަމެއް ނުކުރާކަމަށެވެ! މިއީވެސް ވަށްތަރެއްގެ ރިޔާސީ ނިޒާމެއްގެ ޑިމޮކްރެޓިކް ވެރިކަމެކެވެ. މޮޑޭ މަސްހުނިގަނޑެކެވެ. އެސިޓީގައި އަންނި ލިޔުއްވި ވާހަކައަކީ މާބޮޑުވާހަކައެއް ވެސް ނޫނެވެ. ލިޔުއްވާފައި ވަނީ، ތަހްގީގުކުރި އިރު ސިފައިން އޭނާއަށް އޮޅުވާލައިގެން ބަޔާންނެގުމުގައި ކަންތައްތަކެއް ހިންގާފައިވާ ގޮތުގެ ވާހަކައެވެ.
އަދި އެބަޔާނަކީ ސިފައިން އުނިއިތުރު ގެނެސްފައިވާ އެއްޗެއް ކަމަށެވެ. އަދި އަންނި، ސައްޕެ ކައިރީގައި ނުބުނާވާހަކަ ތަކެއް ބުނިކަމަށް ހަދައިގެން، ދޮގުވާހަކަތަކެއް ލިޔެފައިވާ ބަޔާނަކާ ބެހޭގޮތުން ކޯޓުގައި ޝަރީޢަތަށް ހާޒިރުކޮށް ސުވާލުކުރުމަކީ، ސިފައިން ރާވައިގެން ހިންގި ބޮޑުއޮޅުވާލުމެއް ކަމަށެވެ. އަދި ސިފައިންގެ ބަޔާނުގައި ސައްޕެ، އަންނި ގާތުގައި އެވާހަކައެއް ބުނެފައިވާކަމަށް ލިޔެފައި އެވަނީ ސައްޕެއަށް ބިރުދައްކައިގެން ކަމަށެވެ.
ސައްޕެ އެބަޔާނުގައި ސޮއިކޮށްފައި ވާނަމަ، އެސޮއިކުރުވާފައި އެވަނީވެސް އަނިޔާގެ ބިރަށާއި ޖާނުގެ ސަލާމަތަށްޓަކާ ކަމަށް އަންނި ލިޔުއްވާފައި ވެއެވެ. ސައްޕެގެ ނިޔަތާ ދެކޮލަށެވެ. މިވާހަކަތައް ހައިކޯޓަށް ލިޔުމަކީ ބޮޑުވެގެންވާ ކުށަކަށް ވެގެން ސިފައިން ޖަލަށް އައިސް ބަޔާނެއް ނަގަނީއެވެ. ލޭޑީ އިބްރާހީމް މަނިކު ބޭނުންވެލައްވަނީ، އަންނި ލިޔުއްވި އެ ސިޓީއަކީ، އަންނިއަތުން ލިޔުއްވި ސިޓީއެއްކަމުގެ ބަޔާނެއްނަގައި ސޮއި ކުރުވާށެވެ.
މިއީ ކޮންމަގްސަދެއްގައި ކުރަންއުޅޭ ކަމެއްކަން ސާފެއް ނުވެއެވެ. އިތުރުދައުވާ އެއް ކުރެވޭތޯ ބަލަނީކަމަށް ވެދާނެއެވެ. ނޫނީ ބިރުގެންނެވުމުގެ އަމަލަކަށް ވުންވެސް އެކަށީގެން ވެއެވެ. ލޭޑީ މި ބަޔާން ލިޔުއްވުމަށް ފަހު، އަންނިލައްވާ ސޮއިކުރުވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. އެހެނަސް އަންނި އެ ބަޔާނުގައި ސޮޔެއް ނުކުރެއްވިއެވެ. ލޭޑީއަށް ޖެހުނީ ހުސްއަތާ އެނބުރިދާށެވެ.
14 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 661 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހަވީރު ވަގުތެއްގައި އިސްތަފާ، އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. މިބައިން ބޭރަށްނެރެ ޖަލުއޮފީހުގައެވެ. ބޯކޮށާލާފައި ހުއްޓަފެނުމުން އިސްތަފާ ހުންނެވީ ވަރަށް އުފަލުންނެވެ. އެކަމަކު އޭނާގެ މޮޅުކަމަކީ، އެއްގޮތަކަށް ވެސް އެކަމަށް އެއްވެސް އިޝާރާތެއް ނުކުރައްވައެވެ. އެއްސެވީ އަދިވެސް ދަތިވާ އިތުރު ކަމެއް އޮތްތޯއެވެ. އަޅުގަނޑު އެދުނީ، އަބްދު ﷲ ހުސައިން އަޅުގަނޑުމެން ތިބޭބަޔަށް ބަދަލުކޮށް ދެއްވާތޯއެވެ. ހަމަ ވަގުތުން އެކަންތައް އޭނާ ކޮށްދެއްވިއެވެ.
އިސްތަފާ ފުރާވަޑައިގަތީ، އަބްދު ﷲ ހުސައިން މިބަޔަށް ލައްވާފައެވެ. އަޅުގަނޑުމެން ޖަވާހިރުވާދީ އެންމެން އެއްތަނަކަށް ޖަމާވީއެވެ. ހަންދު، ބިގޭ، އަޅުގަނޑު، އަދި އަބްދު ﷲ ހުސައިނެވެ. ކޮއްކޮ އިބުރޭ ވަނީ، 23 ސެޕްޓެންބަރ ގައި ގެއަށް ބަދަލުކޮށްފައެވެ. އަދި ކޮއްކޮ އަލީ ވަނީ މާކުރިން މާލޭއަށް ގެންގޮސް، ނ.އަތޮޅު ރަށަކަށް އަރުވާލާފައެވެ. އަބްދު ﷲ ހުސައިން މިބަޔަށް ގެނެސް ވެއްދީ، އަޅުގަނޑު ވެސް އުޅޭ ކޮޓަރިއަށެވެ. މިވަގުތައް އަނެއްކާވެސް ކޮޓަރީގައި ދެމީހުން ހަމަވީއެވެ.
މިރޭގެ ވަގުތެއްގައި ހިނގިކަމަކީ އިބުރޭ (ކާދޫ) މިބައިން ނެރެގެން ގެންގޮސް ބޭރުގައި ހުރި، އަބްދު ﷲ ހުސައިން ނެރުނުގޮޅިއަށް ލީއެވެ. ބިގޭ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ މުހަންމަދު އަހްމަދު ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނެގުމަށް މިއަދު ލިޔެދެއްވިއެވެ. ވަރަށްބޮޑުކަމެއް ދިމާވިއްޔާނޫނީ މިހާރަކަށް އައިސް ހޮސްޕިޓަލަށް މާލެއަށް ނުގެންދެއެވެ. ޖަލަށް ވަޑައިގަންނަވާ ޑޮކްޓަރަކީ ވެސް، ޑޮކްޓަރ މުހަންމަދު އަހްމަދެވެ. އަޑުއިވޭ ގޮތުގައި މީނާއަކީ މިނިސްޓްރީ އޮފް ޑިފެންސަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ ޑޮކްޓަރެކެވެ.

15 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 662 ވަނަ ދުވަހެވެ. މިއަދު އަންނިއާ އަންނިގެ ލޮބުވެތިބައްޕަ ބައްދަލު ކުރެއްވިއެވެ. މާލޭގެ ވަކިޚާޢްސަ ޚަބަރެއްނެތެވެ. މިއަދު ލަކްސްލީން މަސްއޫދަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. އަރުވާލުމަށެވެ. 4 އަހަރަށެވެ.
16 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 663 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ރޭގަނޑު ގާތްގަނޑަކަށް، 8:45 އެހާކަންހާއިރު ރަންކޮކާ މުހަންމަދު ރަޝީދާއި ޖަލުއޮފީހުން ނަސީމް، މިބަޔަށް ވެންނެވިއެވެ. ރަޝީދުވިދާޅުވީ، މިރޭޖަލަށް އައިސް މިއުޅެނީ، މިރަށުގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅެއްގެ ދަރިފުޅަކަށް ނަންކިއުމުގެ ޕާޓީއެއް އޮވެގެން އެދައުވަތަށެވެ.
ދެން ހަދާންވެގެން އިލްޔާސް މެންގާތަށް ހާލުއަހުވާލު އަހާލަން ވަދެލީކަމަށެވެ. ރަޝީދު ހުންނެވީ ޓައިނާޅުއްވާ ވަރަށް ނުރަސްމީކޮށެވެ. މައްކޮގެހާލު އަހާލުމުން، ވިދާޅުވީ އަދި މައްކޮއަށް ހުކުމްނީއްވާ ކަމަށެވެ. ރަޝީދަކީ އިސްލާމީ މަރްކަޒު ދުވަސްވަރުން ފެށިގެން އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. މަސްއޫދު، 4 އަހަރަށް އަރުވާލުމަށް ނިމިއްޖެކަމުގެ ވާހަކަ ކަށަވަރުކޮށް ދެއްވިއެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮށް ހަމަޖެހިލައްވައިގެން ހުންނަވައި އަޅުގަނޑާއެކު ހިއްސާ ކުރެއްވިއެވެ. ގިނައިރުތަކެއް ވަންދެން ވާހަކަ ދެއްކެވިއެވެ. ރަޝީދު ހުންނެވީމާ ނަސީމް އެހާ ގިނަ ވާހަކައެއް ނުދައްކަވައެވެ.
17 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 664 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަދި މިއަދު އާދިލްގެ ދޮންބައްޕަ އާދިލްއާ، ބައްދަލުކުރިއެވެ.
18 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 665 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. މާލޭންލިބުނު ޚަބަރަކީ، މައްކޮ ކޯޓަށް ގެންގޮސް ކުރީދުވަހެއްގެ ބަޔާންލިޔުނު މަޙްޟަރުގައި ސޮއިކުރުވިކަމަށެވެ. ހީވަނީ މައްކޮއަށް ވެސް ހުކުމަކައި ކާރިވަނީ ހެންނެވެ.
19 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 666 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ކޯޓުނަންބަރު، 6 އަށް ގެންދިޔައެވެ. ކުރީދުވަހެއްގައި ގ.އުތުރުގޭ މައްކޮ މައްސަލާގައި ހެކިބަހަށް ނަގާފައި އޮތް ބަޔާން، މަޙްޟަރުފޮތުގައި ލިޔުމަށް ފަހު، ސޮއި ކުރުވުމަށެވެ. ބޮޑަށް ލަފާކުރެވެނީ، ދެ ދުވަހެއްހާ ހިސާބުގައި މައްކޮއަށް ހުކުމް އިއްވަން އުޅެނީހެންނެވެ. މިއަދު ކޯޓުކާރިން ޒީނަތު އައްބާސް ފެނިގެން ވާހަކަ ދެއްކީމެވެ. މިއީ ރިޝްވާނުގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ޒީނަތާ ވާހަކަ ދައްކާލެވުނީމާ، ވަރަށް އުފާވިއެވެ.
މިރޭގެ ވަގުތެއްގައި އަބްދު ﷲ ސަލީމް، މިބަޔަށް ގެނެސް ވެއްދިއެވެ. އަޅުގަނޑާއި އަބްދު ﷲ ހުސައިނާ ދެމީހުން ތިބޭ ކޮޓަރިއަށެވެ. މިހާރު މިކޮޓަރީގައި، 3 މީހުން ހަމަވީއެވެ. އަދިވެސް އިތުރު މީހަކު ގެނައެވެ. ގދ.ތިނަދޫ މީހެކެވެ. ނަމަކީ ޒާހިރެވެ. ވެއްދީ އާދިލްއުޅޭ ކޮޓަރިއަށެވެ. އެއީ، 12 ނަންބަރު ކޮޓަރިއެވެ. އަޅުގަނޑު ހުންނަނީ، 10 ނަންބަރު ކޮޓަރީގައެވެ.
މިދަންނަވާ ޒާހިރަކީ އަންހެންކުއްޖެއްގެ ގަޔަށް ވަޅިއަކުން ހަމަލާދޭން މަސައްކަތްކުރި ކަމުގެ ކުށުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. މިވީގޮތުން މިއަދު މިބަޔަށް ދެމީހުން އިތުރުވީއެވެ. ދެން މިވަގުތު ހުސްކޮށް ހުރީވެސް ދެމީހުންގެ ޖާގައެވެ.
20 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 667 ވަނަ ދުވަހެވެ. މިއަދު ވިންޓަރު ޝަރީފް ހައިކޯޓަށް ގެންދިޔައެވެ. އަދި ހަންދުވެސް މާލެއަށް ގެންދިޔައެވެ. ހަންދުކޯޓަށް ހާޒިރު ކުރީ، މައްކޮ މައްސަލައިގެ ހެކިބަސް އެހުމަށެވެ. މައްކޮއަށް ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮނމުގެ ޚަބަރުތައް އިނގޭނެކަމަށް ހަންދުކޯޓުގައި އެއްބަހެއް ނުވިއެވެ. ކޯޓުގައި ހަންދު ހެކިބަސް ދިނީ، މައްކޮގާތުގައި ހަންދު، އެވާހަކަ ނުބުނާކަމަށެވެ.
ޖަލުތެރެއިން ބޮޑުސަރަހައްދެއް ސާފުކޮށް ދަނޑުވެރިކަން ކުރުމަށް ހަވާލުކުރި ވާހަކަ:
އަޅުގަނޑުމެން ތިބޭބައިގެ ބޭރުގައި ދަނޑުވެރިކަން ކުރުމަށް ހުއްދަދެއްވި ސަރަހައްދަށް، މިއަދު ފުރަތަމަ ފަހަރަށް ނެރުނެވެ. މިއީ އަޅުގަނޑުމެން ދަނޑުވެރިކަން ކުރުމަށް ހަމަޖައްސައި ދެއްވި ސަރަހައްދެކެވެ. މީގެފަހުން މިސަރަހައްދަށް ނެރުންއޮންނާނީ ކޮންމެދުވަހަކު މެންދުރުކެއުމަށް ފަހުގައިކަމަށް އެންގިއެވެ. މިގަޑި ނިމި އެތެރެއަށް ވަންނަންޖެހޭ ގަޑިއަކީ، މަޣްރިބް ނަމާދަށް ބަންގިގޮވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިއީވެސް ޖަލުންބޭރުގައި ލިބޭވަރަށް ގިނަވަގުތެވެ.
އަޅުގަނޑު މެންނަށްލިބުނު އިތުރު މިނިވަން ކަމެކެވެ. މިއަދު ނުކުމެ ކުރި މަސައްކަތަކީ، މި ސަރަހައްދު ސާފުކުރުމެވެ. މި މަސައްކަތުގައި ހުރިހާގައިދީން ބައިވެރިވިއެވެ. މި ސަރަހައްދަކީ، އަޅުގަނޑުމެން ތިބޭ ބަޔާޖެހިގެން ހުސްކޮށްއޮންނަ ފުދޭވަރެއްގެބޮޑު ސަރަހައްދެކެވެ. މިރޭގެ ވަގުތެއްގައި ޖަލުއޮފީހުން ނަސީމު ދުރުވެ، އެސަރަހައްދަށް ނުކުމެ އުޅޭއިރު އަމަލުތައް ބަހައްޓަންވީ ގޮތުގެ އެއްބަސްވުމެއްގައި ހުރިހާގައިދީން ލައްވާސޮއި ކުރުވިއެވެ.
މިސަރަހައްދު ބެލެހެއްޓުމުގެ ވެރިންގެ ގޮތުގައި އިސްކޮށް ތިބުމުގެ ޒިންމާ، ހަވާލު ކުރީ އަންނިއާއި އަޅުގަނޑާއި ސައްޕެއާއެވެ. އެ ސަރަހައްދާބެހޭ ހުރިހާކަމެއް ރާވާއި ބެލެހެއްޓުމަކީ، އަޅުގަނޑުމެން ތިންމީހުންގެ މަސްއޫލިއްޔަތެކެވެ. ކުރާނެކަމަކާއި އާންމުދަނީއެއް ހޯދޭނެގޮތެއް ރާވާ ހިންގަންވީއެވެ. ޖަލުއޮފީހުން އެހީތެރިވާގޮތަށެވެ. މި ސަރަހައްދުގައި ބޭނުން ވައްތަރެއްގެ ގަސްއިންދައި ބޭނުން މަސައްކަތެއް ކުރަންވީއެވެ.
ރުކެއް ރާކުރެވޭތޯ މަސައްކަތް ކުރުން:
އަޅުގަނޑުމެން ސައްލާކޮށް ނިންމީ ވަށައިގެން ފަޅޯގަސްޖަހާއި އެތެރޭގައި މިރުސް އަދި އެހެންވަށްތަރުގެ ތަރުކާރީގަސް އިންދާށެވެ. އަދި މާދަމާއިން ފެށިގެން މިމަސައްކަތް ފެށުމަށް ނިންމުނެވެ. އަދި އެސަރަހައްދުގައި ހުރިރުކެއް ރާކުރަންވެސް އަޅުގަނޑުމެން ނިންމީމެވެ. މިއީ އަންނި އަމިއްލަފުޅަށް ކުރަންނިންމި ކަމެކެވެ. އަދި މިކަމަށް ބޭނުންވާ ސާމާނުގެއިން ގެންނަގޮތަށް އަންނި ނިންމެވިއެވެ.
21 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 668 ވަނަ ދުވަހެވެ. މިއަދު ހަންދު މާލެއަށް ކޯޓުނަންބަރު، 6 އަށް މައްކޮގެ ޝަރީޢަތުގައި ހެކިބަސްދިން ބަޔާނުގައި ސޮއިކުރުވުމަށް ގެންދިޔައެވެ. އަންނި ވެސް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ލޮލުގެ ކުޑަ ވަރެއްގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރުލަފާ ދީފައިވާތީއެވެ. މިކަމާގުޅިގެން ދެދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އިޝާނަމާދަށް ފަހުގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަކިޚާއްސަ ބޭނުމެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑުމެންނާ ވާހަކަ ދައްކާލައްވަން ވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ.
22 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 669 ވަނަ ދުވަހެވެ. މިއަދު ވިންޓަރ ޝަރީފް ހައިކޯޓަށް ހާޒިރުކުރުމަށް މާލެ ގެންދިޔައެވެ. މިއަދު ގެންދިޔަ މައްސަލައަކީ ސަލްޓަންޕާކު ކަޓޫރަބޮމުގެ ކަންތައް އެނގިހުރެނާންގާ ސިއްރުކުރި މައްސަލައެވެ. ކުޅެންށާއި މޫދަށް މިއަދު ނެރުނެވެ. މިއަދު ވިންޓަރުގެ ފަރާތުން، މައްކޮއަށް ހަތަރު އަހަރު ދުވަހަށް އަރުވާލުމަށް ނިޔާކަނޑައެޅި ވާހަކަލިބުނެވެ. އެހެނަސް އަދިވެސް ހުރީ ގޭގައިކަމަށް ވެއެވެ.
23 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 670 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، ފައިދޮވުމަށާއި ގޯތިތެރެއަށް ފެންޖަހާ ހެދުމަށް ބޭނުންވެގެން މިބައިގެތެރޭގައި ފެންއިސްކުރެއް ގުޅީއެވެ. ހޮޅިއާއި އިސްކުރާ ތަކެތިދިނީ ޖަލުއޮފީހުންނެވެ. މިމަސައްކަތުގެ ބޮޑުބައި އަމިއްލައަށް ކުރީ ހަންދު އެކަންޏެވެ.
މިއަދުހަވީރު އަންނި މާލެއިން ހޮސްޕިޓަލުގެ ކަންތައް ނިމިގެން އަނބުރާޖަލަށް ގެނައެވެ. މުޅިން ހުރިހާކަމެއް ރަނގަޅެވެ. ވަރަށް ޚަބަރުތައް ވެސް ލިބުނެވެ. އޭގެތެރޭގައި މައްކޮއަށް ހުކުމްއިއްވި ވާހަކައާއި މާލެތެރޭގެ ބައެއް ޚަބަރު ތަކާއި ބޭރުގައުމުތަކުން އަޅުގަނޑު މެންގެކަންތަކާ ބެހިގެން ހިންގަމުން ގެންދާ ބައެއް އިދާރީ ކަންތައްތަކުގެ ޚަބަރުތައް ހިމެނެއެވެ.
24 އޮކްޓޯބަރ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 671 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. ބިގޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިތާތެރޭގައި އިއްޔެބެހެއްޓި ފެންއިސްކުރުން، ފެންބޭރުވާން ގުލީއެއްހަދާއި އެއިސްކުރު ކައިރީގައި ތަޅުންކޮޅެއް އަޅާއި ޖަންކްޝަނަށް ފެންދާ މައިހޮޅިއާ ގުޅާހެދިއެވެ. މިކަންތައް ވެސް ކުރީ ހަންދުއެވެ.
ހަންދުއަކީ މިކަހަލަ ކަންތަކަށް ވަރަށް ބަރާރު ހުރިހާ މަސައްކަތެއް ދަންނަ ކުއްޖެކެވެ. ހުރިހާކަމެއް ކުރާނީ އަމިއްލައަށެވެ. ބޭރުންލިބިފައިވާ ބިންސާފުކުރުމާއި އެތާހުރި ތާނގީވަޅެއް ސާފުކޮށް ގަހަށް ފެންޖެހޭނެ ގޮތަށް ހެދުމަށް ބޭނުންވާބައެއް މަސައްކަތް ކުރެވުނެވެ. މިހާރު ހުރީ މާލޭންފަޅޯއޮށާއި ބަށިއޮށާއި މިރުސްއޮށް ހޯދާފައެވެ. ސާފުކޮށް ފަސްގަނޑު ޖަހާހަދާލެވުނުހާ އަވަހަށް އޮށްތައް އިންދަންވީއެވެ.
25 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 672 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ކުރީދުވަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އަންނިގެ މަންމަ އަންނިއާ ބައްދަލުކުރިއެވެ. މާލޭން ތަރުކާރީގެ ބައެއް ވަށްތަރުތަކުގެ އޮށްޕެކެޓް ތަކެއް އަންނިއަށް ލިބުނެވެ. ގަސް އިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމް މިއަދު ހަވީރު ގަސްއިންދާ ސަރަހއްދުގެ މަސައްކަތް ބައްލަވާލަން ވަޑައިގަތެވެ.
އަޅުގަނޑުމެން ކޮށްފައިހުރި މަސައްކަތް ބައްލަވާލައްވާފައި އެބޭފުޅުން އަޖައިބުވެ ވަރަށް ފޯރިދެއްވިއެވެ. މިއަދަކީ ފުރަތަމަ ފަހަރަށް މިތަނުގައި ގަސް އިންދި ދުވަހެވެ. މިއަދު އިންދީ ސަރަހައްދު ވަކިވާހިސާބުގައި ސަރަހައްދު ވަކިވާގޮތަށް އަށްފޫޓުން އަށްފޫޓަށް ފަޅޯގަހެވެ. އޮށްއިންދައިގެން ކައިވަތަކަށް ބޮޑެތިވެފައި ހުރި ގަސްތަކެކެވެ. މިގަސްތައް ފުރަތަމަ ތަނެއްގައި އިންދައިގެން މުޑުވަށް ކޮށްފައި މިއަދު އަލުން އިންދަންވާ ތަންތަކުގައި ރުވާއި އިންދީއެވެ.
26 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 673 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ގެއިން މިއަދު ނޫސްބޮނޑިއެއް ލިބުނެވެ. ހުރިހާ ޚަބަރުތަކެއް ސާފުވިއެވެ.
27 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 674 ވަނަ ދުވަހެވެ. މިއަދު ސައްޕެ މާލެއަށް ގެންދިޔައެވެ. އަދި ވިންޓަރު ޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ވިންޓަރަށް އިއްވިފައި ހުރި ހުކުމްތައް އިސްތިއުނާފް ކުރަނީއެވެ. އެއްވެސް ބަދަލެއް އަންނާނެހެނެއް ހިއެއް ނުވެއެވެ. މިއީ ވިންޓަރު ކުރައްވާ ބޭކާރުކަމެއްކަން އަޅުގަނޑުމެންނަށް ޔަގީނެވެ. ހައިކޯޓަށް ވުރެ މަތީގައި ރައީސް މައުމޫނުގެ އަމިއްލަފުޅު ސްޕްރީމް ކޯޓުގެ ބާރުއޮތްކަން ވިންޓަރު ގަބޫލެއް ނުކުރެއެވެ.
ދަށުކޯޓުތައް ވެސް ހިންގަމުން މިދަނީ، ރައީސް މައުމޫނުގެ ބާރުގެ ދަށުންނެވެ. ރައީސް އޮފީހުން ކޯޓުތަކަށް ސިޓީފޮނުވާ ހަދައެވެ. މިއީ ހުރިހާ ދިވެހިން ދަންނަ ހަގީގަތެކެވެ. ވިންޓަރު ބޯހަރުކަމުން މިކަންގަބޫލު ނުކޮށް ގާނޫނުއަސާސީ ގަދަބާރުން ތަންފީޒުކުރުވަން މަސައްކަތް ކުރަނީއެވެ. މިއަދު ސައްޕެ ގެންދިޔައީ ކޯޓުނަންބަރު، 6 ށެވެ. ސައްޕެގެ މައްޗަށް ދައުލަތުން ދައުވާކުރާ ބިދޭސީ ރިޕޯޓަރުންނާ ބައްދަލުކޮށް ސަރުކާރާއި ރައްޔިތުންނާ ޖެހޭފާޑުގެ ވާހަކަތައް ދައްކާއި ފިތުނައުފެދޭ ގޮތަށް މައުލޫމާތު ދިން މައްސަލައެއް ގައެވެ.
މިއަދު މިގެންދިޔައީ މިމައްސަލާގައި ހުކުމް އިއްވެވުމަށެވެ. މިހާލަސްކޮށްފައި ގާޒީ މިމައްސަލަ ނިންމެވީ ސާބިތުނުވާ މައްސަލައެއްގެ ގޮތުގައެވެ. މިހާހިސާބުން ސައްޕެއާ ދައުލަތުން ދައުވާކުރެއްވި ހުރިހާ މައްސަލަތަކެއް ނިމުނީއެވެ. މިހާރު ސައްޕެގެ މައްޗަށް ހުކުމްނީއްވާ އެއްވެސް ކަމެއްނެތުނީއެވެ. ސައްޕެގެ ހުރިހާކަމެއް ނިމުނީއެވެ. ސައްޕެއަކީ މިހާރު ރައީސް މައުމޫނަށް މުޅިން އާ ވައްތަރެއްގެ ޖަލެއް ކުރަހައި ދޭ މާ މަތީ ފެންވަރުގެ ޒަމާނީ އިންޖިނޭރަކަށް ވެސް ވަނީ ވެފައެވެ.
ސައްޕެ މިވާހަކަތައް އަޅުގަނޑު މެންނައި އެއްގޮތަކަށް ވެސް ހިއްސާއެއް ނުކުރައްވައެވެ. ކުރެހުންތައް ވެސް ނުދައްކައެވެ. އިރުއިރުކޮޅާ އިސްތަފާ އާއި ޑިފެންސްގެ މަތީބޭފުޅުން ސައްޕެއާ ބައްދަލުކުރެއެވެ. އަޅުގަނޑު ހިތަށްއަރަނީ މިޖަލުއެޅޭނީ ކޮންއިރަކުން ބާވައެވެ. މިޖަލު ވާނީ ޑިފެންސް ބޭފުޅުންގެ ހުވަފެނީ ޖަލަކަށް ވެފައެވެ. މަތީފެންވަރުގެ ޚިޔާލީފޮލާއަކަށް ބަދަލު ވެފައެވެ. ހީވަނީ މިވެރިން ހައްދާފައި ބޭތިއްބުމަށް ސައްޕެ ހަމަ މޮޅީހެންނެވެ.
ރޭގެ ވަގުތެއްގައި ނަސީމު ސިޓީއެއް ގެނެސްދިނެވެ. މިއީ އަޅުގަނޑަށް ގެއިންފޮނުވި ސިޓީއެކެވެ. ޖަވާހިރުވާދީގައި ފިހާރައެއް ހުރި ބިމުގައި ގަރާޖެއް ހެދުމަށް ހުއްދަހޯދުމަށް މާލޭ މުނިސިޕަލްޓީއަށް ބޭނުންވާސިޓީ ލިޔެފައި ފޮނުވައިދިނުމަށް އެދި އަޅުގަނޑާއި ބިގޭ އާއި ހަންދުއަށް ގެއިން ފޮނުވާފައިވާ ސިޓީއެވެ. އަޅުގަނޑުމެން ހަދަންވީގޮތަކީ، ޖަވާހިރުވާދީގައި ވެހިކަލް ދޮވެސާފުކުރާ ގަރާޖެއް ހެދުމަށް ހުއްދައަށް އެދި އަޅުގަނޑުމެންގެ ނަމުގައި ސިޓީއެއް މުނިސިޕަލްޓީގެ ރައީސަށް އެޑްރެސްކޮށް ލިޔެފައި ޕްރިސަންސް މެދުވެރިކޮށް ގެއަށް ފޮނުވައި ދޭންވީއެވެ.
ގެއިން އެހެންމީހުންގެ ނަމުގައި ފޮނުވާ ސިޓީތަކާއެކު މިސިޓީތައް ވެސް މާލޭ މުނިސިޕަލްޓީއަށް ފޮނުވައިދޭ ގޮތަށެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅު ދެވަނަފަހަރަށް ހިއްކާހެދުމަށްފަހު މިއަދު އެވަޅުގެ މަސައްކަތް މުޅިން ނިންމާލެވުނެވެ. މިހާރު އިންދާފައިހުރި ގަސްތަކަށް ކޮންމެ ދުވަހަކު ފެންދެނީ އެވަޅުންނެވެ. ފަޅޯގަސްތައް ތާޒާކޮށް ހެދެންފަށައިފިއެވެ.
ހުރިހާގަހެއް ވެސް، ﷲގެ އިރާދަފުޅުން ރޯވެހެދެން ފަށައިފިއެވެ. މިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާކުރާނެކަން ކަށަވަރެވެ. ފޯދި މޭވާއަންނަން ދެން އަޅުގަނޑު މެންނަށް ތިބެވިއްޖެ ނަމަ އެއުފާ ލިބޭނެއެވެ. މިގަސްތައް ފޯދި ކާނާލިބެންދެން މިތަނުގައި ތިބެވޭނެނަމައޭ ބައެއް ފަހަރު ހިތަށްއަރައެވެ. ޚާއްސަކޮށް ފަޅޯކާހިތްވާ ވަރުންނެވެ. ގަސްތައް ހެދޭލެއް ރީތި ކަމުން މިކަންތައް ހަމަ ހިތަށް ވަންނަނީއެވެ. ފެންދިނުމާއި މިބައި ބެލެހެއްޓުމުގެ އިސްރޯލް އަދާކުރަނީ ސީދާ އަޅުގަނޑެވެ. އަލުގަނޑު ގިނަވަގުތު ހޭދަކުރަނީ އެތަނުގައެވެ.
28 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 675 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަބްދު ﷲ ހުސައިން މާލެއަށް ގެންދިޔައެވެ. ޖަވާހިރުވާދީގައި ވެހިކަލްދޮވެ ސާފުކުރާ ގަރާޖެއް ހެދުމުގެ ހުއްދައަށް އެދި އަޅުގަނޑުމެން ތިންމީހުން ލިޔުނުސިޓީ މިއަދު މާލެއަށް ފޮނުވުމަށްޓަކާ ޖަލުއޮފީހާ ހަވާލުކުރީމެވެ. އަބްދު ﷲ ހުސައިން ޑޮކްޓަރަށް ދެއްކުމަށްފަހު ގެނައި ހަވީރެވެ.
މިއަދު އިސްތަފާ ވަޑައިގެން ގަސްއިންދާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު، މިބަޔަށްވެސް ވެންނެވިއެވެ. ހުންނެވީ ވަރަށް އުފަލުންނެވެ. އަޅުގަނޑުމެންގެ މަސައްކަތަށް ޝުކުރުއަދާ ކުރެއްވިއެވެ. ޖަލުގައި މިހާތަނަށް އެއްވެސް ބަޔަކު މިކަހަލަކަމެއް ކޮށްފައިނުވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ.
29 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 676 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ހުރިހާޝަރީޢަތެއްގެ އަޑުއެހުންތައް މިއަދު ނިމުނީއެވެ. ދެންއޮންނާނީ ބަޔާންތަކުގައި ސޮއިކުރުން ކަމަށް ވިންޓަރު އައިސް ހަވީރު ކިޔައިދިނެވެ. ވިންޓަރު ހުންނަވަނީ މިހުކުމްތަކަށް ބަދަލު އަންނާނެ ކަމުގެ އުފަލުގައެވެ. ގަސްއިންދާ ސަރަހައްދުގައި ފަޅާފައި ހުރި ކުދިގަސްތައް އިތުރަށް ރުވާއި އިންދަންވާ ތަންތަނުގައި އިންދުން މިއަދު ވެސް އޮތެވެ. މިއަދުވެސް މިރުސްގަހާއި ބަށިގަހާއި ފަޅޯގަސް އިންދީމެވެ.
30 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 677 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިހާރަކަށް އައިސް އަނެއްކާވެސް މޫދުންހިފުނުހާ ވައްތަރެއްގެ މަސްތައް ހިފައިގެން ޖަލަށް ގެންނަމެވެ. ކައްކައިގެން ކާއްޓާއެކު ކާލަނީއެވެ.
31 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 678 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގަސްތަކަށް ފެންދީ ގަސްތައް ބަލަންތިބީއެވެ. ރާކުރަން ގަސްތުކުރިރުކުގައި ހަރުބަނުމަށް މިއަދު ސައްލާކުރެވުނެވެ. ރާވެރިބެޔަކީ އަންނިއެވެ. މިހާރުވަނީ ގެއަށް ބަންޖަކާއި ބަޅުވަޅިއަކާއި ރާކުރަން ބޭނުންވާ ހުރިހާ ސާމާނު ގެއިން ގެނެއުމަށް އަންގާފައެވެ.
1 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 679 ވަނަ ދުވަހެވެ. މިއަދުގެއަށް، މަންމައަށް ސިޓީއެއް ލިޔުނީމެވެ. މެންދުރުފަހުގެ ވަގުތެއްގައި ޖަލުއޮފީހާ އެސިޓީ، ގެއަށްފޮނުވުމަށް ހަވާލުކުރީމެވެ. ކުޅޭށާއިމޫދަށް މިއަދު ނެރުނެވެ. މޫދުންއައި ތަނާހެން، އަބްދުލްޣައްފާރު އެކުގައި މާލެގެންދިއުމަށް ބަލާއައެވެ. ބޭރުންވެސް ދެމީހަކު ގެންދިޔައެވެ. އެއީ ޑީޑީއަކާއި އަލީޝިޔާމް ގ.އޮމެގާ މާލެއެވެ. މަޣްރިބް ނަމާދަށް ފަހު، މިތިންމީހުން ސާމާނާއެކު މިތަނުން ނެރެގެން މާލެ ގެންގޮސްފިއެވެ. އަދިވެސް އިތުރުބަޔަކު ބޭރުން ގެންދިޔަ ޚަބަރު މިރޭގެ ފަހު ވަގުތެއްގައި ލިބުނެވެ. މިއީ މީހުން މިނިވަންކުރާ މަސްހަރެވެ. ނަސްރުގެ މަސްހަރެވެ. ޖަލުގެ މިބައިން މިހާތަނަށް، 5 ޖާގަ ހުސްވީއެވެ.
2 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 680 ވަނަ ދުވަހެވެ. މިއަދުހެދުނު އަނެއްކާވެސް ވާއްޕެލައްވާ ބޯކޮށީމެވެ. ތުނބުޅި މިގެންދަނީ ގަވައިދުންކޮށާއި ރީތިކޮށް ބަލަހައްޓަމުންނެވެ. މިއީ މިބުރުގައި ޖަލުގައި ބޯކޮށާ ދެވަނަ ފަހަރެވެ. އަޅުގަނޑުގެ ބޯކޮށައި ދީ ހަދާ މީހަކީ އަބަދުވެސް ވާއްޕެއެވެ. މިއަދު ހެދުނު ޚަބަރުގައި ރޭޑިޔޯއިން ލިބުނީ، ޖަލުގެ ގައިދީންނަށް ވަރަށް މުހިންމު އުފާވެރި ޚަބަރެކެވެ. 273 ކުށްވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމު އަފޫކުރައްވާއި މައާފުދެއްވައިފި ޚަބަރެވެ.
ގައިދީންނަށް މިޚަބަރު ވެގެންދިޔައީ އުފާވެރިކަމުގެ ފޮނިކްރީމްޖެހި ކޭކަށެވެ. އެންމެން ތިބީ ހިންދިރުވާލަ ހިންދިރުވާލައެވެ. ކާކަށްތޯ މިއިން އުފާވެރިކަމެއް ލިބި، ފޮނިކޭކުކޮޅެއް ދިރުވާލަން ލިބޭނީ ކާކަށްކަން ނޭންގިފައި އެންމެންނަށް ޖެހުނީ ހިތްކިޔާފައި ތިބޭށެވެ. މިހެން އެ މަޝްވަރާގައި ތިއްބާ ރޭޑިޔޯއިން އިތުރު ތަފްސީލެއް ލިބިއްޖެއެވެ. އެކަންވީ އަނެއްކާވެސް އިތުރު ފޯރިއަކަށެވެ. ހިތްތައްތަޅުވާލި ކަމަކަށެވެ. ޖަލުން، 6 މީހުންނަށް ރައީސް މައުމޫނު މައާފު ދެއްވިކަމަށް ރޭޑިޔޯއިން ކިޔައިފިއެވެ. އަދި އަރުވާލާފައި ތިބިމީހުންގެ ތެރެއިން، 123 މީހުންނަށް މައާފުދެއްވި ވާހަކަވެސް ގެނެސްދީފިއެވެ.
އަދި ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 144 މީހުން މިނިވަން ކުރެއްވި ކަމަށް ރޭޑިޔޯއިން ބުންޏެވެ. މިސައްލާގައި އެންމެން ތިއްބާ އެންމެފުރަތަމަ ބަލާއައީ މިއަދުގެ ހަވީރު ވަގުތެއްގައި ސައްޕެއެވެ. ސާމާނާއެކު ސައްޕެ މާލެ ގެންދިއުމަށް ޖަލުއޮފީހަށް ގެންގޮސްފިއެވެ. ސައްޕެ އާއެކުގައި ބޭރުން ތިންމީހަކު ގެންދިޔަ ޚަބަރުވެސް ލިބިއްޖެއެވެ. އެއީ އއ.ތޮއްޑޫ ދެމީހުންނާއި ރ.ކަނދޮޅުދޫ ގާސިމް ކަލޭފާއެވެ. މިއީ ދޫކޮށްލުމަށް ނުވަތަ ގޭބަންދަށް މިއަދު މާލެ ގެންދާ ގައިދީންނެވެ.
އާދިލް މިއަދު އޭނަގެ މަންމައާއި އަންހެނުންނާ ބައްދަލުކުރިއެވެ. އާދިލަށް ވެސް އެބޭފުޅުންގެ ފަރާތުން ވަރަށް އުންމީދުތައް ލިބުނެވެ. މިނިވަންވާލެއް ވަރަށް އަވަސް ވާނެކަމަށް އާދިލް ޚަބަރުދިނެވެ. އާދިލްގެ މަންމައަކީ މެޑަމް ނަސްރީނާއާ ވަރަށް ގާތް މީހެއްކަމަށް ޚަބަރުތައް ލިބުނެވެ. އަޅުގަނޑު މެންގެ ގެއިންވެސް ވަރަށް ގިނަސާމާނު މިއަދު ލިބުނެވެ. ކެއުމުގެ ސާމާނާއި އޭތިމީތި ހުއްޓެވެ. މިއަދު މާލެގެންދިޔަ ޝަންމި ފަރާތުން ލިބުނު ޚަބަރުގައި މިއަދު އަބްދުލްހަންނާނާއި ޖަވާހިރުވާދި އިބުރޭ (ކޮއްކޮ) މިނިވަންކޮށް ދޫކޮއްލިއެވެ.
ނުވަތަ ރާއްޖެތެރެއިން ގެއަށް ބަދަލު ކުރެއްވިއެވެ. ހަވީރު ގަސްއިންދާ ސަރަހައްދުގައި މަސައްކަތް ކުރުންއޮތެވެ. މުޅިރޭގަނޑު ދިޔައީވަރަށް މަޖާކޮށް މިވާހަކަތަކުގެ ތެރޭގައެވެ. މިރެއަކީ، ރާއްޖޭގެ ނަސްރުގެ ރެއެވެ. ރޭޑިޔޯއިން އެކަމުގެ ރަސްމީޖަލްސާގެ ޚަބަރުތައް އަޑުއެހީމެވެ. މިކަންތަކުގެ ރަސްމިއްޔާތު އޮތީ އިސްލާމީމަރްކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ.
3 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 681 ވަނަ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހެވެ. ތަމަޅައިންގެ ކުލީސިފައިންގެ ބައެއްގެ އަތުން ދިވެހިރާއްޖެ މިނިވަންކުރި ދުވަހެވެ. ކުޑަހިނދުކޮޅަކަށް އެމީހުންމާލެއަށް ވެރިވެގަނެގެން ތިއްބެވެ. ރައީސް އޮފީހުގައި ކުޑަހިނދުކޮޅަކަށް ހެންވޭރު ހާޖަރާގޭ އަބްދު ﷲ ލުތުފީ ރައީސް މައުމޫނު އިންނަވާ ގޮނޑިކޮޅުގައި އިންނެވި ކަމަށްވެސް ވެއެވެ. އެދުވަހަކީ ދިވެހީންނަށް ބިރުވެރި ދުވަހެކެވެ.
އަދި ދިވެހިންގެ، 19 މީހުން މިހާދިސާގައި ޝަހީދުވެގެން ދިޔަ ނާމާން ދުވަހެކެވެ. ރަސްމީބަންދު ދުވަހަކަށްވާތީ ޖަލުތެރޭގައި އެއްވެސް ކަމެއްނެތެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ސައްޕެ ފިޔަވާ އިއްޔެމާލެއަށް ގެންދިޔަ ބައެއް މީހުންނަށް ހުކުމުން ބޮޑުބައެއް މައާފުދެއްވުމަށް ފަހު އަނބުރާ ޖަލަށް ގެނައި ދެތިން މީހަކުވެސް ވެއެވެ. އަނެއްބަޔަކު އަރުވާލަންށާއި އެގަށް ބަދަލު ކުރެއްވީއެވެ. މިއީ ބޭރުންގެންދިޔަ މީހުންނެވެ. ސައްޕެއާ، އިސްތަފާ އިބްރާހީމް މަނިކު ވަރަށްދިގުކޮށް ވާހަކަ ދެއްކެވުމަށް ފަހު، ބަދަލުކުރެއްވީ ގެއަށްކަމަށް ޚަބަރުލިބުނެވެ.
4 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 682 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރޭޑިޔޯއިން ޚަބަރުލިބޭގޮތުގައި މިއަދު އެމެރިކާގައި ރިޔާސީއިންތިޚާބު ބޭއްވެމުން އެބަދެއެވެ. ކުރީގައި އަދި އޮތީ، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ބިލްކްލިންޓަނެވެ. އަޅުގަނޑުމެން ޖަލުގައި ތިބެގެން ތާއީދުކުރާ މީހަކީވެސް އެއީއެވެ. ހޮވޭނެހެން ހީވަނީވެސް ބިލްކްލިންޓަނެވެ.
އަޅުގަނޑު ރޭގައި ޖަލުއޮފީހަށް ނަސީމުކައިރިއަށް ގެންދިޔައެވެ. ނަސީމް ވިދާޅުވީ މިފަހަރު ތިތާތެރެއަށް ނުދާންވެގެން، އިލްޔާސް އޮފީހަށް ގެނައިކަމަށެވެ. މިގެނައި ކުށްވެރިވެގެންނެއް ނޫންކަމާއި ނަސީމު އަނގަތަޅާލާހިތުން ގެނައީކަމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑާ ވަރަށް ގިނައިރު ވަންދެން އަނގަތެޅުއްވިއެވެ. ޤަޟާޤަދަރާއި ސިހުރުހާހޫރައާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. ކޮންމަގްސަދެއްގައި ކުރެއްވިކަމެއް ކަމެއް ނޭގެއެވެ. އިސްތަފާ ވިދާޅުވެގެން އަޅުގަނޑުގެ ވިސްނުން ހުރިގޮތް ބަލަނީކަމަށް ވެސް ވެދާނެއެވެ.
ނޫނީ އަޅުގަނޑައި ރައްޓެހިކަން ބާއްވަން ބޭނުމީ ކަމުގައި ވެސް ވެދާނެއެވެ. ވާހަކަތައް ދައްކަމުނެ ގެންދިޔައީ ވަރަށް މަޖާމޫޑެއްގައެވެ. ވަކިމަގްސަދެއް އޮވެގެން ކުރެއްވި ކަމެއްހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑާ އޮންނަގާތްކަމުން ހަމަ އަނގަ ތަޅާލެއްވީ ކަމަށް އަޅުގަނޑު ނިންމާއި އަޅުގަނޑު ވެސް ގިނައިން އަޅުގަނޑަށް އެނގިފައިހުރި އިލްމީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ވާހަކަތައް ދިގުކޮށް ދެއްކީމެވެ. ނަސީން އިންނެވީ ވަރަށް މަޖާވެފައެވެ. އަދި އަޅުގަނޑާ ވަރަށް ގަޔާވެފައެވެ. ބޯލާށޭ ކިޔާފަ ފިނި ކޯކުދަޅެއް ވެސް ދެއްވިއެވެ. މިކަން ނިންމާފަ ޖަލަށް، އާދެވުނީ ދަންވަރު، 12 ޖަހަނިކޮށެވެ.
5 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 683 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ކޮންމެދުވަހަކު ވެސް ގަސްތަކަށް ފެންދިނުން އޮވެއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށް ރީއްޗެވެ. ކޮއްކޮއިބުރޭއަށް އެފްޕީއައިޑިގެ މަޝްހޫރު ކެސެޓްރޯލާ ބަހޭގޮތުން އިއްވާފައިވާ، 5 މަސްދުވަހުގެ އަރުވާލުމުގެ ހުކުމް އަދިވެސް މައާފުނުދެއްވާ އޮތްކަމުގެ ޚަބަރު މިއަދު ލިބުނެވެ. އިބުރޭ ހުރީ އަރުވާނުލާ ގޭގައިކަމަށް ވެސް ޚަބަރުލިބުނެވެ.
އަރުވާލުމަށް އޮތް ފަސްމަސް ދުވަސް ގޭގެބަންދަށް ބަދަލުކޮށް ދެއްވާފައި އޭނާ ހުރީ ގޭގައެވެ. އަދި ކޮއްކޮ އަލީރަޝީދު ހުސައިން ވަނީ ރާއްޖެތެރެއިން ގެނައުމަށް އަންގާފައިކަމަށް ޚަބަރުލިބުނެވެ. ގެއަށްކަމެއް، ދޫކޮށްލައްވަން ކަމެއް އަދިއެއް ނޭނގެއެވެ. އަލީ ގެންނަނީ ދޫކޮށްލާށޭ ވެސް ކިޔައެވެ. މުޅިން ދޫކޮށްލެއްވިނަމަ، މިހާރުވެސް ހުންނާނީ ރައީސް މައުމޫނު އެއަމުރު ނެރުއްވި ދުވަހުން ފެށިގެން މިނިވަން ވެފައެވެ. އަދި އަރުވާލާފައި ހުރިރަށުން މާލެއަށް ނުގެނެވެނީ ކަމަށް ވެދާނެއެވެ.
މިދޭތެރެއިން ކުރީދުވަހެއްގައި ސައްޕެ މާލެއަށް ގެންދިޔައީ، ރައީސް މައުމޫނާ ބައްދަލުކުރަންކަން މިއަދު އަޅުގަނޑުމެންނަށް ޚަބަރުލިބި، އޮޅުންފިލާއި ސާފުވިއެވެ. ސައްޕެގެ މަކަރުވެރި ގީދަޅުކަމުން މިވާހަކަބޭއްވީ، އަޅުގަނޑުމެންނަށް ނާންގައި ސިއްރުކޮށް ފައެވެ. މިއީ ސައްޕެގެ ބޭވަފާތެރިކަމެވެ. ސައްޕެއަކީ ޖަލުގައި ހުރިއިރު މާމޮޅުޖަލެއް ކުރަހައިދިނުމުގެ ނަމުގައި ސަރުކާރާ މާގާތްގުޅުމެއް ސިއްރުން ގެންގުޅުއްވި ބޭފުޅެކެވެ. މިކަން ވެސް ގެންގުޅެނީ އަހުރެމެންނަށް ވަރަށް ސިއްރުކޮށެވެ. ބައެއް ކަންތައް އެނގެނީ ނާސިރު ފަރާތުންނެވެ. އެ ވާހަކަތަކާއި އެ ކުރަހާ ކުރެހުންތައް އަޅުގަނޑުމެންނަށް ދައްކާއި ޝެއާކޮށެއް ނުހަދައެވެ.
މިވާހަކަ އަޅުގަނޑު މެންކައިރީ ނުބުނެ މިހާގިނަ ދުވަސް ވެފައިވަނިކޮށް މިކަން އަޅުގަނޑުމެންނަށް ފަޅާއެރީ، އަނެއްކާ ވެސް ނާސިރުގެ ފަރާތުންނެވެ. ސައްޕެގެ އެކަހަލަ ކަންކަން ބުނެދެނީ ނާސިރެވެ. އެއީ ސައްޕެގެ ބޮއި އެވެ. ސިލްވަރސީން އިބްރާހީމް ވަހީދު ދޫކޮށްލި ޚަބަރު މިއަދު ލިބުނެވެ. މީނާ އަކީ މަޖީދުސަރ އާއި ވެލަބުލި އަލިފުޅާ އެކު ބަންދުކުރި މީހެކެވެ. މި މީހުން ތިބި ބަންދަކީ، މާލެ ތެއަށް ސިއްރުން ސިޔާސީ ލިޔުންތަކެއް އެޅިމައްސަލަ އެއްގައި ފުލުސްކޯޓުން ކުރެއްވި ހުކުމެއްގެ ބަންދުގައެވެ.
މިއީ ޑޮކްޓަރ ވަހީދަށް ތާއީދުކޮށް އެބޭފުޅުން ހިންގެވި ރާއްޖޭގެ އިސްލާހީ ހަރަކާތާ ގުޅުން ހުރި ކަމެކެވެ. މިކަހަލަ ކަންތަކަށް އޭރުހުކުމް އިއްވަމުން ގެންދިޔައީ ފުލުސްކޯޓުން ވަރަށް ރާސްޓަސްކޮށެވެ. އަޅާލުމެއް ބަލާލުމެއް ނެތިއެވެ. ގާނޫނުތަކަށް ބެލުމެއް ނެތިއެވެ. ހެއްކެތް ގަރީނާއެއް ބޭނުމެއްނުވެއެވެ. މިކޯޓު ހިންގާފައި ވަނީ، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާއި އިންސާނިއްޔަތާއި އިންސާނީ ކަރާމަތްތެރިކަމާ މުޅިން ޚިލާފަށެވެ.
ސަރުކާރުބަދަލުވި ދުވަހަކުން ފުލުސްކޯޓުގެ ކަންތައްބަލާއި އެކަންތައް ހިންގި މުޖްރިމުންނަށް ހައްގުއަދަބު ދޭންޖެހޭނެއެވެ. އަދި ޖަލުގައި ބޮޑެތިއަނިޔާތައް ރާވައިގެން ހިންގި މީހުންގެ މައްސަލަތައް ބެލުމަށް ފަހު، އެފަދަ މުޖްރިމުންނަށް ހައްގު އަދަބުތައް ދޭންޖެހޭނެއެވެ. ބިންބިފޯސް ހިންގި ގޮތް ބަލަންޖެހޭނެއެވެ. ދައުލަތުގެ ފައިސާ އެފޯހަށް ޚަރަދުކުރި ގޮތްތައް ހޯދާއި ތަހުގީގު ކުރެވެން ޖެހޭނެއެވެ. މިއީ އަލަށް އުފަންވާ ސަރުކާރަކުން އަޅަން ޖެހޭނެ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ. މިއީ އަހުރެންގެ ވިސްނުން ހުންނަ ގޮތެވެ. މި މަގުން ކަންތައް ގެންދިއުމަށް އަހުރެން ބާރުއަޅާނަމެވެ. އިންޝާﷲ! އެހެނަސް ސީދާ ވެރިކަމަށް ކުރިމަތިލާހިތެއް ނުވެއެވެ.
6 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 684 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނުހިންގައެވެ. ގަސްތަކަށް ފެންދިނުން އޮތެވެ. އެސަރަހައްދުގައި ހުރިވަޅު އަނެއްކާވެސް ހިއްކައި ސާފުކޮށް ހެދީމެވެ.
7 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 685 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ފުދޭވަރަކަށް މަޖާނެގުނު ދުވަހެކެވެ.
8 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 686 ވަނަ ދުވަހެވެ. ރާކުރަން ތައްޔާރުކުރާރުށް ސާފުކޮށް ހަދާއި ގަސްތަކަށް ފެންދިނުންއޮތެވެ. މިހާރު ރުކުގައި ހުރީ ހަރުބަނދެ ނިމިފައެވެ. މިކަންކުރީ އެކިދުވަސް މަތިންނެވެ. މަސައްކަތް ފަށަން ރެޑީކޮށެވެ. އަންނިއަށް ގެއިން ސާމަނު ލިބުމުން ރާކުރަން ފަށާ ގޮތަށެވެ. މިއަދު ގެއިން އަޅުގަނޑަށް ވޯލްޑްބޭންޑްރޭޑިޔޯއެއް ލިބުނެވެ. މިރޭޑިޔޯއިން ދުނިޔޭގެ ހުރިހާ ހިސާބެއް ސާފުކޮށް ލިބެއެވެ. 12 ބޭންޑުން ވެސް ރީތިކޮށް ސާފުކޮށް ލިބެއެވެ.

މި ރޭޑިޔޯގެ މޮޑެލްނަންބަރަކީ ސޮނީ، އައިސީއެފް، 7601 އެވެ. މިރޭޑިޔޯއާއި ކުރިންޖަލުގައި ވަގަށް އެތެރެކޮށްގެން ގެންގުޅުނު ކުޑަކުޑަރޭޑިޔޯ އަދިވެސް އެބައޮތެވެ. މިދެ ރޭޑިޔޯގެ ފޮޓޯ ސައިޓަށާއި ފޭސްބުކަށް، ﷲ އިރާދަކުރެއްވިއްޔާ އަޕްލޯޑް ކުރާނަމެވެ. ޕްރިސަންސުން މިއަދު އަޅުގަނޑަށް، ޖަވާހިރުވާދީގައި ގަރާޖެއް ހެދުމުގެ ހުއްދައަށް އެދި ލިޔުނު ސިޓީތައް ގެއާ ހަވާލުކޮށް ނިންމައިފިކަމަށް ޖަވާބުދެއްވި ސިޓީލިބުނެވެ.
އަބްދު ﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން އަބްދު ﷲ ހުސައިނާ، ކޮއްކޮ އިބުރޭގެ އަންހެނުން، އަންދިޔާ ދިމާވެގެން ސަލާން ފޮނުވިއެވެ. އަދި ގަރާޖުގެ މަސައްކަތުގެ ހުއްދަވަރަށް އަވަހަށް ލިބިދާނެކަމަށް އަންދިގެ ފަރާތުން ޚަބަރު ލިބުނެވެ. އަލީ މާލެ ގެނެސް މިނިވަންކޮށް މުޅިން ދޫކޮށްލި ވާހަކައާއި އިބުރޭ އަދި ހުރީ ގޭގެބަންދުގައި ކަމަށް އަންދި ޚަބަރުދިނެވެ. އިބުރޭގެ އަރުވާލުމުގެ ހުކުމް ގޭބަންދަށް ބަދަލުކޮށް ދެއްވީއެވެ. ބާކީއޮތީ އެންމެ ފަސްމަސްދުވަސް ކަމަށް ބުންޏެވެ.
ލަކްސްލީން މަސްއޫދުގެ އަރުވާލުމުގެ ބާކީބައި ގޭބަންދަށް ބަދަލުކޮށް ދެއްވި ޚަބަރުވެސް އަންދި ދިނެވެ. މިހާރު މަސްއޫދުވެސް ހުންނެވީ ގޭބަންދުގައެވެ. އަޅުގަނޑަށް ލިބުނު އާރޭޑިޔޯއިން މިރޭ، ޚަބަރު އަހަން ފެއްޓީމެވެ. ނުނިދާވަރަށް ގިނައިރުވަންދެން ރޭޑިޔޯހިފައިގެން ފެންޑާގައި އެއްތަނުން އަނެއްތަނަށް އަޅުވައިގެން އިނީއެވެ. އަޅުގަނޑަކީ އަބަދުވެސް ވަރަށް ރޭޑިޔޯ އަޑުއަހާހިތްވާ މީހެކެވެ. ބީބީސީ އާއި ސީއެންއެން ގަވައިދުން އަހަމެވެ. އަރަބި އޮރުދޫ ބަހުންވެސް އަހާހަދަމެވެ. އުރުދޫ ބީބީސީއަކީ އެންމެ އަހާހިތްވާ ޕުރޮގުރާމް ޗެނަލެވެ. މިއީ ވަރަށް ހިތްގައިމު ރޭޑިއޯ އެކެވެ. މުޅިން ބަރާބަރެވެ. މިފަދަ ރޭޑިޔޯއެއް ޖަލަށް ފޮނުވައި ދެއްވީތީ، ލޮބުވެތި މަންމައަށް ޝުކުރުވެރި ވަމެވެ.
9 ނޮވެންބަރ 1992 ވީހޯމަ ދުވަހެވެ. ޖަލުގައި ހުންނަތާ، 687 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ރޭޑިޔޯ ޚަބަރުދޭގޮތުގައި މިއަދަކީ ރައީސް މައުމޫނު ސަރުކާރުގެ ބޮޑުދުވަހެކެވެ. ފުރަތަމަ ހެނދުނު، 8 ޖެހިއިރު މިނިސްޓްރީ އޮފް ޖަސްޓިސް ހިންގާނެ އިދާރީބައި ހިމެނޭ އޮފީސް ބަޔާއި ހުރިހާކޯޓުތަކެއް ހިންގާނެ ބައިތަކާއި ދައުލަތުގެ ޢަރްޝީފު ހިންގާނެ އިދާރީބައި ހިމެނޭބިލްޑިންގް ރައީސް މައުމޫނު މިއަދު ހުޅުވައި ދެއްވިއެވެ.
އެއަށް ފަހު، ދެންއޮތީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) ބިލްޑިންގް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބަދަރު ސަރަހައްދުގައި އެއިމާރާތުގެ ބިންގާއަޅުއްވައި ދެއްވުމެވެ. އަދި ބަނދަރުގެ ދެވަނަފޭސް ނިމިފައިވުމުން އެބައި ރަސްމީކޮށް ހުޅުއްވައި ދެއްވުން ހެދުނު، 10:00 ގައި އެސަރައްދުގައި އޮތެވެ. ބަނދަރުގެ ވެރިޔަކަށް އަލްފާޟިލް އަލީ އަބްދު ﷲ (އަލިބެ) މިބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. އަލީ އަބްދު ﷲ އަށް ފަހު، ރައީސް މައުމޫނުގެ ވާހަކަފުޅު އޮތެވެ.
ދެން އެއަށްފަހު، 11:30 ގައި ހުޅުއްވައި ދެއްވީ، އެލައިޑް ހެލްތެވެ. މިހާރުގެ ނަމުންނަމަ، އިންސްޓިޓިއުޓް އޮފް ހެލްތްސައިންސް އިމާރާތެވެ. މިޖަލްސާގައި ޝުކުރުދެންނެވީ، ވިޒާދާއި ވިސާމުގެ މަންމަ، އަލްފާޟިލާ ސައީދާއެވެ. އަދި ހެލްތްގައި މަސައްކަތް ކުރައްވާ، ތިޔަރަ ރަޝީދާ އާއި ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފް ވެސް ވާހަކަ ދެއްކެވިއެވެ. މިބޭފުޅުންނަށް ފަހު، ވާހަކަދެއްކެވީ ރައީސް މައުމޫނެވެ.
މިހަފްލާއަށް ފަސްޓްލޭޑީ ނަސްރީނާވެސް ވަޑައިގެންނެވިއެވެ. މި އިމާރާތް ކުރެއްސެވި ފަރާތް ކަމުގައިވާ، ސައްޕެއަށް ރައީސް މައުމޫނު ވާހަކަފުޅު ނިންމަވާ ލައްވަމުން ޝުކުރުއަދާ ކުރެއްވިއެވެ. ސައްޕެ އޭރު ހުންނަވާނީ ގޭބަންދުގައި މާލޭގައެވެ.
10 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 688 ވަނަ ދުވަހެވެ. ވިންޓަރޝަރީފު އޭނާގެ ގޭގެމީހުންނާ ބައްދަލު ކުރިއެވެ. ނާސިރަށް ގެއިންސާމާނު ލިބުނެވެ. އަދި އަންނިއަށް ވެސް ގެއިންބައިވަރު ސާމާނު ލިބުނެވެ. އެހެނަސް އޭގެތެރޭގައި ރާވެރިކަމަށް ބޭނުންވާ ތަކެއްޗެއް ނެތެވެ. އަޅުގަނޑުމެން ހީކޮށްގެންތިބީ އަންނިއަށް ސާމާނުލިބޭ ދުވަހަކު މިތަކެތިލިބޭނެ ކަމަށެވެ.
އަވަހަށް ރުކަށް އަރަން ފެށޭނެކަމަށެވެ. މިއަދު މ.އޮމަދޫ އިލްޔާސް އަބްދު ﷲ ގޭބަންދަށް ބަދަލުކުރެއްވި ޚަބަރުލިބުނެވެ. ސައްޕެ އަދިވެސް ހުރީގޭގައިކަމަށް ޚަބަރުލިބުނެވެ. އެހެނަސް ސައްޕެ ވަރަށް އަވަހަށް ދޫކޮށްލައްވަފާނެ ކަމުގެޚަބަރުތައް އެބަހުއްޓެވެ. މިހާރު ސައްޕެގެ ޖަލުގެހުކުމްވަނީ، ގޭގެބަންދަށް އެކުގައި ބަދަލުކޮށް ދެއްވާފައެވެ. މިއީ އިސްތަފާ އިބްރާހީމް މަނިކު ބާރުއަޅުއްވައިގެން ކޮށްދެއްވި ކަމެއްކަމަށް ޚަބަރުލިބުނެވެ.
11 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 689 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނުގެ ވެރިކަމަށް، 14 އަހަރުފުރި، 15 އަހަރަށްފެށުނު ޖުމްހޫރީދުވަހެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ، 1978 މ. ގައެވެ. މިއަދުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއް އޮތެވެ. މިޖަލްސާގައި ރައީސް މައުމޫނު ވަރަށްދިގު ތަގްރީރެއް ދެއްވިއެވެ. މިޖަލްސާފެށުނީ ހެނދުނު، 9:30 ގައެވެ. ޖަލްސާތައާރަފް ކޮށްދެއްވީ އަލްފާޟިލް އައްބާސް އިބްރާހީމެވެ. އަލްއުސްތާޒު އަބްދު ﷲ ހަމީދު ވާހަކަ ދެއްކެވިއެވެ.
ޚިދުމަތުގެ އިނާމުތައް، 27 ފަރާތަކާ ހަވާލުކުރުން މިޖަލްސާގައި އޮތެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި މާލެ ތެރޭގައި އަލިފާންޖެހި ވާހަކައާއި ސަލްޓަންޕާކްގައި ކަޓޫރަބޮން ގޮއްވާލި ކަންތަކަށް އަލިއަޅުއްވާލެއްވިއެވެ. މިއީ ރައީސް މައުމޫނު ދެކެވަޑައިގަންނަވާ ގޮތުގައި، 3 ނޮވެމްބަރަށް ފަހު ދިމާވި އެންމެ ބޮޑުނުރައްކާތެރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން ބޭރަށް ނުނެރެއެވެ.
ބިދޭސީ ގައިދީންތައް ބޭރަށް ނުނެރޭތީ މައްސަލަ ޖެއްސުމުން މިއަދު އަހުރެމެން ނުނެރެ އެމީހުން ބޭރަށް ނެރުނީއެވެ. މިވާހަކަ އޮފީހާ ދައްކާލުމުން މާދަމާ ނެރޭނެ ކަމާއި ބިދޭސީންގެ ކަންތަކާ ހެދި މިއަދު ނުނެރެވުނީ ކަމުގައި ޖަލުއޮފީހުން ބުންޏެވެ. ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ބިދޭސީ ދެމަސްބޯޓު އަތުލައިގަތް ދެދޯންޏެއްގެ ވެރިފަރާތަށް ވެސް އިނާމު ދެއްވުން އޮތެވެ.
13 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 690 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ. މިއަދުގެ މަޣްރިބްނަމާދާއި އިޝާނަމާދާ ދޭތެރޭގައި އަލިފާނުގެ މައްސަލާގައި ހުކުމްއިއްވާފައި ހުރި، އަބްދުލްއަޒީޒު ތ.ގުރައިދޫ މިބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 6 ނަންބަރ ކޮޓަރިއަށެވެ. އަބްދުލްޣައްފާރު މާލެއަށް ގެންދިއުމުން ހުސްވި ކޮޓަރިއަށެވެ.
މިހާރު އަނެއްކާވެސް، 13 މީހުން މިބައިގާ ހަމަ ވީއެވެ. ޖަލުގެ މިބައިގާ ހުންނަނީ، 7 ކޮޓަރިއެވެ. ނަންބަރުދީފައި ހުންނަނީ، 6،7،8، އަދި 9،10،11،12 މިގޮތަށެވެ. ފުރަތަމަ ތިންކޮޓަރިއަކީ ދެއެނދުގެ ކޮޓަރިތެރޭގައި ފާޚާނާއެއްނެތި ހަދާފައި ހުންނަ ކޮޓަރިތަކެވެ. އަނެއް، 4 ކޮޓަރިއަކީ، 3 އެނދުހުންނަ އެޓޭޗްފާޚާނާ އާއެކު ހަދާފައި ހުންނަ ކޮޓަރިއެވެ. މިހާރު އަނެއްކާވެސް، މިބައިގައި، ތަންކޮޅެއް މީހުން ގިނަވީއެވެ.
13 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 691 ވަނަ ދުވަހެވެ. ރޭގަނޑު، 9:15 ގައި އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. އޮފީހުގައި އިންނެވީ އޮފީސް ހިންގަވާ، ކ.ހިންމަފުށީ ނަސީމެވެ. އަޅުގަނޑާ ވާހަކަ ދައްކާލަންށާއި ކުޅިވަރުގެ ގަޑިއަށްބަދަލެއް ގެންނަވާހަކަ އަންގާލަން ގެނައިކަމަށް ވިދާޅުވިއެވެ. މާދަމާއިން ފެށިގެން މިހަމަޖެއްސީ ހަވީރު، 4 ން 6 ށް ކަމަށް އެންގެވިއެވެ.
ހަތަރަކުން ފެށިގެން ފަސްގަޑި ފަނަރައަށް ކުޅެފައި ދެން ފަސްގަޑި ސާޅީސްފަހެއް ވަންދެން މޫދުގައި އުޅެފައި ހައެއްޖަހާއިރަށް އެތެރެއަށް ވަދެނިންމާ ގޮތަށެވެ. މިކަން މިގޮތަށް މި ހަމަޖައްސައި ދިނީ، އަޅުގަނޑު އެދިގެންނެވެ. ނަސީމް ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅުގޮތެއް ވާނެކަމަށް އޭނާ ލަފާކުރައްވާ ކަމަށެވެ. ނަސީމުގެ ވާހަކަ އަކީ އަޅުގަނޑު ވެސް ވަރަށް އަވަހަށް މާލެއަށް ގެންދާނެއެވެ. ނަސީމު އަޅުގަނޑައި ވަރަށް ގާތްގުޅުމެއް ބާއްވައެވެ. މިހާރު ހަގީގީރައްޓެއްސެކެވެ.
14 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 692 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީ ރަސްމީ ބަންދަށް ފަހު، އޮފީސްތައް ހުޅުވުނު ދުވަހެވެ.
15 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 693 ވަނަ ދުވަހެވެ. ރޭގެ ނިދީގައި ހުވަފެނުން ވަހީދުބެ އާއި ތުއްތަ ފެނުނެވެ. އަދި ޖަލުގައި އުޅެފައި ގެންދިޔަ ފާޒިރު ވެސް ފެނުނެވެ. ބޭރުގައި ބަންދުގައި ހުރި ޝަންމި މިބަޔަށް ރޭގަނޑު ވަގުތެއްގައި ގެނެސް ވެއްދިއެވެ. އޭނާ ވެއްދީ ވިންޓަރު ޝަރީފް އުޅުއްވާ ކޮޓަރި، 8 ނަންބަރަށެވެ. މިބައިގާ މިވަގުތުބާކީ ދެންހުރީ، 4 ޖާގައެވެ.
ޒުވާނުންނާ ގުޅޭ ފުރަތަމަ ގައުމީޖަލްސާ އާއެކު އަންހެންކުއްޖަކު ފުރަތަމަފަހަރަށް ޖަލުގައި ބަންދުކުރުން:
16 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 694 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު ހެނދުނު ދިހައެއްޖެހިއިރު ޖުވާނުންނާބެހޭ ޖަލްސާއެއް ގައުމީފެންވަރުގައި މާލޭ ގައި ފެށުނެވެ. މިޖަލްސާގައި ވާހަކަދެއްކެވީ އިސްމާޢީލް އަބްދުލްގާދިރާއި އިލްޔާސް އިބްރާހީމާއި އަދި އަންހެން ޖުވާނެކެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނެވެ. ސްޓޭޖު ބަލަހައްޓައި ދެއްވީ، މ.މިރިހިމާގެ އަބްދުއްލަތީފް މަހްމޫދެވެ.
މީނާ އަކީ ބުރުނީ މަހްމޫދުގެ ދަރިފުޅެކެވެ. މިޖަލްސާގެ ނަމަކީ، "ދިވެހިޒުވަނުން، 1992" އެވެ. މިއީ ޒުވާނުންނާ ބެހޭ ގައުމީޖަލްސާއެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މިއަދަކީ ޖަލަށް މުޅިންއަލަށް ދިވެހި އަންހެންކުއްޖަކު ގެނެސް ބަންދުކުރި ދުވަހެވެ. މިއީ މިތަނުން ޚަބަރުލިބޭ ގޮތެވެ. މީނާއަކީ ޅަފުރައިގެ ޒުވާންއަންހެން ކުއްޖެކެވެ. އަޅުގަނޑުމެން ހީހީފައި ޒުވާނުންގެ ޖަލްސާއާއެކު ޖަލަށް ދިވެހިޒުވާން އަންހެނަކު ލިބުނީތާއޭ ކީމެވެ. ދެން އިސާހިތަކު ޖަލުގައި އަންހެނުން ވެސް ގިނަވެދާނެތާއެވެ.
17 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 695 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެގެންދިޔައެވެ. އަންނި، އަންނިގެ ބައްޕައައި މިއަދު ބައްދަލުކުރިއެވެ. އަންނި ބައްޕަގެ ސަލާމް ހުރިހާ ގައިދީންނަށް ލިބުނެވެ. އަދި ވަރަށް އަވަހަށް ރާއެރުމަށް ބޭނުންވާ ސާމާނުލިބޭނެ ކަމުގެޚަބަރު ލިބުނެވެ.
18 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 696 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިބައިގެ ކޮޓަރި ތަކުގެބިއްދަށު ފާރުގައި ތަންކޮޅެއް މަތީގައި ހުންނަކުޑަ ދޮރުތަކުން ކޮޓަރިތެރެއަށް ވާރޭވިއްސާތީ އެފެންލައިޓް ތަކުގެބޭރުގައި އޮމާންޓިނުން ނިތްގަނޑެއް ޖެހުމުގެ މަސައްކަތް މިއަދު ކުރީމެވެ. ތަކެތި ދިނީމާ މި މަސައްކަތް ކުރީ ހަންދުއެވެ. މި ކަހަލަ މަސައްކަތްތައް އަގަކާނުލާ އަޅުގަނޑުމެން ކޮށް ދޭތީ ޖަލުއޮފީހުން ޝުކުރުއަދާ ކުރެއެވެ.
19 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 697 ވަނަ ދުވަހެވެ. މިއަދު އާތު އާއި ހަންނު އާއި ތުއްތަ އަޅުގަނޑު މެންނާ ބައްދަލުކުރަން އައެވެ. އާތު އާއި ހަންނު (ހަންދުގެދަރިފުޅު) ބައްދަލު ކުރީ ހަންދުއާއެވެ. ތުއްތަ ބައްދަލުކުރީ، އަޅުގަނޑާއި ބިގޭ އާއި ހަންދުއާއެވެ. ގެއިން ބައެއް ސާމާނު ގެނެސް ދިނެވެ. ޒުވާނުންގެ ގައުމީޖަލްސާގެ ނިންމުން މިއަދުހަވީރު އޮތްކަން ރޭޑިޔޯއިން އޮޅުންފިލިއެވެ. ރައީސް މައުމޫނު ނިންމުމުގެ މިޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.
20 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 698 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު ގެއިންފޮނުވި ނޫސްބޮނޑިއެއް ލިބުނެވެ. ގެއިންމުޅިން ވެސް ފޮނުވަނީ ހަވީރުނޫހެވެ. ދެން ނިއޫސްވީކްގެ ކޮޕީއެކެވެ. ނިއޫސްވީކުގައި ނުކިޔާ އެންމެ އަކުރެއް ވެސް ދޫކޮށެއްނުލަމެވެ.
21 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 699 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ގައުމީފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުނުދުވަހެވެ. ބައްދަލުކުރީ ކުރީދެއަހަރުގެ ޗެންޕިއަން ކުލަބްކަމުގައިވާ، ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މިއަދު ޝަންމި މާލެއަށް ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ގެއިންސާމާނު ފޮނުވިދުވަހު، ހަންދުއަށް ކަރަންޓު ބޭނުންކޮށްގެން ފެންކައްކާ ކުރައެއް ފޮނުވި ޚަބަރު މިއަދު ލިބުނެވެ. އެހެނަސް މިކުރާ ހަންދުއަށް ރައްދުނުކޮށް ޕްރިސަންސްގައި ބެހައްޓާފައި ހުރީއެވެ.
މިކަމާ ޖަލުއޮފީހުގެ ނަސީމާ ސުވާލުކުރުމުން ވިދާޅުވީ އެކުރާ ޕްރިސަންސްގައި ބަހެއްޓިފައި އެބަހުރި ކަމަށެވެ. ވަރަށް އަވަހަށް އޭތިޖަލަށް އެތެރެކުރެވޭ ބާވަތްތަކުގައި ހިމެނޭތޯ ބެލުމަށްފަހު، ހުއްދަލިބިއްޖެ ނަމަ ދޫކުރެވޭނެއެވެ. ހަންދުއަށް ނުފޮނުވިއްޖެނަމަ އަނބުރާގެއަށް ރައްދު ކުރެވޭނެކަމަށް މާލޭން އެންގެވި ކަމަށް ނަސީމު ބުނުއްވިއެވެ. މިޚަބަރުލިބުމުން އަޅުގަނޑު މިވާހަކަ ނަސީމުގާތުގައި ދެއްކީ މިއަދުގެ މެންދުރު ކުރިންނެވެ.
މިއަދު ހަވީރު މިދެންނެވި ފެންކައްކާކުރާ ޖަލަށްގެނެސް ހަންދުއާ ހާވާކުރިއެވެ. މިވީގޮތުން ބޭނުންވާއިރަށް ހޫނުފެން ލިބެންފެށީއެވެ. ކޮފީ އާއި ސައި ބޭނުން އިރަކު ބޯލެވޭ ގޮތް ހަމަޖެހުނީއެވެ. ނަސީމަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިއަދު ކުޅެވުނުމެޗުން، ދެބައި އެއްވަރުވެ، އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި ޑްރޯވުމުން، އަލުން މާދަމާ ނޫންއަނެއް ދުވަހު، މިމެޗްކުޅޭގޮތަށް ހަމަޖެއްސީއެވެ.
ޖަލުގައި ހުންނަތާ، 700 ވަނަ ދުވަސް:
22 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 700 ވަނަ ދުވަހެވެ. މިއަދަކީ ފާހަގަކޮށްލަން ޖެހޭ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 700 ދުވަސް ހަމަވީ ދުވަހަށް ވާތީއެވެ. ﷲ ހަދާންކޮށް ދެރަކްއަތް ނަމާދެއްކޮށް، ﷲގެ ދީލަތިކަން މަތީގައި ހެޔޮހާލުގައި ފުރިހަމަ ބުއްދީގައި ޖަލުގެ ގޮތްނޭންގޭ އަނިޔާތަކު ތެރޭގައި ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާތީ، ހާސްހާސް ޝުކުރު ދެންނެވީމެވެ. މިކަންކުރީ ޖަލުގެ މިސްކިތުގައެވެ. އަދި މިސްކިތުން ނުކުމެ ދަނޑުހައްދާބިމުގައި، 15 ވަރަކަށް މިނެޓު އުޑަށް ބަލަން ހުރީމެވެ. ﷲ ގެ ގުދްރަތަށް ވިސްނާއި ފިކުރުކުރާށެވެ. އުޑުގައި ވިލާތައް އެނބުރޭގޮތާއި މިބިމަށް ވަމުންދާ ގޮތައި މެދުގައެވެ. ކުޅެންށާއި މޫދަށް ނެރުނެވެ.
ދިރޭމަސް މޫދުން ހިފައިގެން ވަރަށްގިނައިން މިއަދު ޖަލުތެރެއަށް ގެނައީމެވެ. ގިނައީ ކުދިކުދި ރާބުޅައާއި އެހެންވައްތަރުގެ މަހެވެ. ކިރުހުސްކުރި ބޮޑުދަޅަކަށް އަޅައި ކައްކާއިގެން ކާލީއެވެ. ފެނުކެއްކި މާހާއި ކާއްޓާއެވެ. ވަރަށް މަޖަލެވެ. ގަސްއިންދާ ސަރަހައްދުގައި ހުންނަރުށްތަކުން މިހާރު ބޭނުންވަރަކަށް ކާށީލިބެއެވެ. އަންނި މާލެއަށް ޑޮކްޓަރަށް ގެންދިޔައެވެ. މިއަދު ޖަލުއޮފީހުން ގަސްއިންދާ ސަރަހައްދަށް ހެނދުނު، 6 ން ފެށިގެން ހަވީރު، 6 އަށް ނުކުމެއުޅެވޭގޮތަށް ހުއްދަދިނެވެ.
އަޅުގަނޑު ލައްވާފޮތެއްގައި ސޮއިކުރުވާފައި މިކަން ހަމަޖައްސައި ދިނެވެ. އަދި ރަސްމީކޮށް ރާކުރަން ތައްޔާރުކޮށް ފައިހުރި ރުށް ރާކުރުމުގެ ހުއްދަވެސް މިއަދުދިނެވެ. މިއަދު އަންނި މާލޭން އައިސް ވަރަށް އަވަހަށް ރާވެރިއަކަށް ބޭނުންވާ ހުރިހާސާމާނެއް އެގެއިން އަންނިއަށް ލަސްތަކެއްނުވެ ފޮނުވާނެ ޚަބަރު ދެއްވިއެވެ. މިހާރު މިތިބެވެނީ މިސާމާނު ލިބޭނެ ދުވަހަކަށް ތައްޔާރު ވެގެންނެވެ. ރުށް ހުރީ ހަރުބަނދެ ތައްޔާރުކޮށް ފައެވެ. ބައެއް ފަހަރު މަޖަލަށް އެރުކަށް އަރާލާހަދަމެވެ. ކަސްރަތަކަށެވެ.
23 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 701 ވަނަ ދުވަހެވެ. މިއަދު ހަވީރު، ގައުމީފުޓްބޯޅަ މުބާރާތް ޑްރޯވެފައިވާތީ އަލުންކުޅެން ނިންމި މެޗްކުޅުން ދެވަނަފަހަރަށް އޮތެވެ. މޮޅުވީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. 1 ލަނޑު، 0 ލަނޑުންނެވެ. ވިކްޓްރީގެ ލަނޑުޖެހީ، އިސްމާއީލް އަނިލްއެވެ. އިނާމުތައް ބައްސަވައި ދެއްވީ ދުވަހުގެ ޝަރަފުވެރި މެހްމާނު، ރައީސް މައުމޫނެވެ. މިއަދަކީ ޖަލުގައި ވަރަށް އުފާވެރި ދުވަހެކެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބަކީ އަންނި މެންގޭގެ ކްލަބަށް ވާތީއެވެ. އުފާވެރި މި މުނާސަބަތު ފާހަގަކުރުން އަޅުގަނޑުމެން ޖަލުގައި ބޭއްވީމެވެ.
ރުށް ރާކުރުމުގެ ސާމާނު ޖަލަށް ލިބުން:
މިއަދު އިރުއޮއްސުނު ފަހުން، ރާކުރުމަށް ބޭނުންވާ ހުރިހާސާމާނެއް އަންނިއަށް ލިބުނެވެ. މިކަންވެސްވީ އަޅުގަނޑު މެންނަށް ލިބުނު އުފަލަކަށެވެ. އަޅުގަނޑު މެންގެ ރާވެރިޔަކަށް ހަމަޖެހިފައި ވަނީ އަންނިއެވެ. އެއީ އަންނި ޝައުގުވެރިވާ ވަރުން އަމިއްލައަށް ކުރައްވަން ގަސްދުކުރެއްވި މަސައްކަތެކެވެ. ކަމާބެހޭ ފޮތްތަކާއި ލިޔުންތައް މާކުރިން ހޯއްދަވައިގެން މިހާރު ވަނީ އެތަކެތި ކިޔުއްވާ ހައްދަވާފައެވެ.
އިރާދަ ކުރެއްވިއްޔާ ރާފޮދެއްބޯލަން ލިބޭނެކަމުގެ އުންމީދު އެބައޮތެވެ. މިއަދުވެސް ޝަންމި މާލެ ގެންދިޔައެވެ. މިހާ ގިނަގިނައިން މިކަލޭގެ މާލެ ދަނީ، ހަމަ ބަލިވެގެން ބާވައޭ ޝައްކު ކުރެވެއެވެ. ޝަންމިއަކީ ޑްރަގްގެ ގޮލައެކެވެ. ހުންނަނީވެސް ވަރަށް ހިކިކޮށެވެ. ވިސާމުގެ މަންމަ މިއަދު ވިސާމާ ބައްދަލުކުރިއެވެ. އަޅުގަނޑުގެ ކޮއްކޮ އަލީ ރަޝީދު މާލެ ގެނެސް މިނިވަންކޮށް ދޫކޮށްލި ޚަބަރު، ވިސާމުގެ މަންމަގެ ފަރާތުން ލިބުނެވެ.
ވިސާމަށް އެގެއިން ފެންހަމެއް މިއަދު އޭނާގެ މަންމަ ގެނެސްދިނެވެ. މިއީ ކޮންކަހަލަ ފެނެއްކަމެއް ވިސާމު ނުބުނެދިނެވެ. ހީވަނީ އޭނަގެ މަންމަ މައްކާއިން ގެނައި ޒަމްޒަމްފެނުގެ ހަމެއް ހެންނެވެ. ނޫނީ ފަންޑިތައިގެ ފެނެކެވެ. އެހެން ނޫނީ ޖަލަށް ފެންހަމެއް ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވާރޭ ފެން ބޭނުންވަރަކަށް ލިބެން ހުރެއެވެ. ފަހަރުގައި ކިޔެވެއްޔެއް ކިޔަވާލާފައި ހުރި ފެނަށް ވުންގާތެވެ. އެއީ ބައެއް މީހުން ކުރާކަމެކެވެ. އަވަހަށް މިނިވަން ވާށެވެ. ފެންހަމުގެ އިތުރުން ވިސާމަށް ކެއުމުގެ ބައެއް ސާމާނު ވެސް ގެއިންލިބުނެވެ.
24 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 702 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަދި މުހަންމަދު އާދިލްގެ ދޮންބެ އޭނަ އާ ބައްދަލުކުރުން މިއަދު އޮތެވެ. ބިސްމި ﷲ ކިޔާފައި މިއަދު އަލަށް ރުކަށްއެރުން އިފްތިތާހު ކުރުންއޮތެވެ. ރުއް ރާކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު އަންނި ފެއްޓެވިއެވެ. ޅައެތެއްގައި ފުރަތަމަ ފަހަރަށް ކަށިކިޔޮފަތް އޮޅާއި ގުދުކޮށް ލުމަށްފަހު ކޮޅުބުރުކޮށް ލިއެވެ. ވަރަށްކޮށާއި ގޮތްގޮތް ހެއްދެވިއެވެ. އެތުގެ ބޭރު ތޮށިގަނޑު ނޮޅުއްވާތަން ވެސް ފެނުނެވެ. ތިރީގައި އަޅުގަނޑުމެން ބަލަން ތިބީމެވެ.
އަންނިގެންގުޅޭ ތާރީޚީފޮތެއްގައި އެކަންކުރުމަށް ލިޔެފައިވާގޮތަށް އެ އެތުގެކުރި ބުރިކޮށްލާއި ބަންޖެއް އަޅުވާއި ހުރިހާކަމެއް ނިންމާ ލެއްވިއެވެ. ރުކުގައި ކުޅަދުރު އުޅޭތީ މިމަސައްކަތް އަންނިއަށް ކުރެވުނީ ވަރަށް ގިނައިރުގެ މަސައްކަތުންނެވެ. ފުދޭވަރަކަށް އުދަގުލުންނެވެ. އަދި ފުރަތަމަ ދުވަހަށް ވާތީ ލަސްވެސް ވިއެވެ. އެހެނަސް ރުކުން ފޭބީ، ފޮތުގައި އޮތްގޮތަށް ކުރަންޖެހޭ ހުރިހާކަމެއް ކޮށްނިންމާފައެވެ.
އަޅުގަނޑު ވަރަށް ޝައުގުވެރި ކަމާއެކު މިމަސައްކަތް ބަލަންރުއްބުޑުގައި ހުރިހާކަމެއް ނިމެންދެން އަންނިއަށް އެހީތެރިވާން ހުރީމެވެ. އަބަދުވެސް އަންނިކުރާ މަސައްކަތަށް ފޯރިދީ އެކަމެއް ކުރުވުމަށް އެންމެކާރީގައި ހުންނަނީ އަޅުގަނޑެވެ. އެހެންވެ ހުރިހާކަމެއްގައި ވެސް އަންނި އަޅުގަނޑަށް އިތުބާރުކޮށް ލޯބިކުރައްވާކަން އެނގެއެވެ. މުތާލިއާ ކުރައްވަން ގެންގުޅުއްވާ ތާރީޚީފޮތްތައް ގަދަކަމުން އަޅުގަނޑަށް ދީގެން ކިޔުމަށް ބާރު އަޅުއްވާނެއެވެ. މިއީ އަންނިގެ ވަރަށް ރަނގަޅު ސިފައެކެވެ.
އަޅުގަނޑުމެން އޭނާގެ ލީޑަރޝިޕްގެ ދަށަށް ލަންބާލުމުގެ ކުޅަދާނަކަން އަންނިގައިގާ ހުރެއެވެ. އަބަދުވެސް މޮޅެތިވާހަކަތައް ދައްކާނެއެވެ. ދުވަހަކުވެސް ރުޅިއައިތަނެއް އަޅުގަނޑު ނުދެކެމެވެ. ރުޅިއިސްކޮށް އެއްވެސް ކުއްޖަކަށް ބަހެއް، އެއްޗެއް ވިދާޅުވި އަޑެއްނާހަމެވެ. އެފަދަ މަންޒަރެއް ނުދެކެމެވެ. ގިނައިން ހުންނަވާނީ ހިނިތުންވެފައެވެ. މަޖާވެފައެވެ. އެހެންވެ ރުޅިއަންނަ މިންވަރެއް ވަޒަންކުރާކަށް ނޭނގޭނެއެވެ. އަބަދުވެސް ހުންނަވާނީ އެހުންނަވާ ވަރަކަށް ހިނިތުން ވުމުގައެވެ. މިއަދުވެސް މޫދުން ހިފުނުމަސްތައް ޖަލުތެރެއަށް ގެނެސް ކައްކައިގެން ކާއްޓާއެކު ކާލީއެވެ. މިހާރަކަށް އައިސް މިކަން ކުރަނީ އަމިއްލައަށް އެކަންޏެވެ. ބައިވެރިއަކު ނުވެއެވެ.
މީގެތެރޭގައި މިއަދު އަތުލައިގަނެވުނު، ބޮޑުކަޅު ވެނެއްވެސް ގެނެސް ކައްކައިގެން ކާލީއެވެ. ވެނުމަސް ގިނައިން ކާންޖެހުނީ އަޅުގަނޑަށެވެ. ރަހަބަލައިލާނެ ގައިދީއަކު ނެތެވެ. އަޅުގަނޑަކީ ރޮލާވެސް މަސްކައިއުޅޭ މީހަކަށްވާތި، ކޮންމެ ވައްތަރެއްގެ މަހެއް ވެސް އަޅުގަނޑަށް ވަރަށްމީރެވެ. ބޯވަ، މަޑި އަދި ވެންމަހެވެ.
މިއަދު ޔޫރަޕުގެދޮން އަންހެނެއް އެއްޖިންސުން ގުޅުންހިންގި މައްސަލައެއްގައި ގެނެސް ބޭރުގޮޅިއަށް ވެއްދި ޚަބަރު ލިބުނެވެ. ސިފައިން މިއަންހެން މީހާއަށް ކިޔަނީ "ތަގަރިދައިތަ" އެވެ. ޖަލުތެރޭގެ ހުރިހާ ޚަބަރެއް އަޅުގަނޑު މެންނަށް ވަގުތުން ވަގުތައް މިހާރު ލިބެއެވެ. މިހާރަކަށް އައިސް މަނާ ކަންތަކެއް ނޯވެއެވެ. އޯވަރޯލްކޮށް މުޅިޖަލު ކޮންޓުރޯލް ކުރަނީ އަޅުގަނޑުމެންނެވެ.
25 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 703 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރާކުރިއެތް ހެނދުނު ބަލާލި އިރު އިނީ، އޮޅާފައިހުރި ކަށިކިޔޮފަތްތައް ފަޅާލައި ފޮޅެން ފަށާފައެވެ. ފުރަތަމަ އެތް އަންނިއަށް ކާމިޔާބު ނުކުރެވި ފެއިލްވީއެވެ. އެކަންދަންނަ، ތަޖްރިބާހުރި އެކަކުވެސް ނެތުމުން، ލަފާކުރެވުނީ ދުވަސްވީ އެތެއް ރާކުރެވޭތޯ އުޅެވުނީ ހެންނެވެ. މެންދުރެއް ހާއިރަށް ކަށިކިޔޮފަތްތައް ފަޅާލާފައި އެއެތްއިނީ ފުދޭވަރަކަށް ފޮޅިފައެވެ. އަޅުގަނޑުމެން ރާފޮދެއްގެ އިންތިޒާރުގައި އަނގަހިއްކާފައި ތިއްބާ މިވީގޮތުން ވަރަށް ދެރަވިއެވެ. މިއަދު މާލެ ފުރުމުގެ ކުރިން އަންނި ރުކަށްއެރިއެވެ.
އަނެއްކާ އެހެންއެތެއް ވަރަށް އަވަސްއަވަހަށް ތައްޔާރުކޮށް ރާބަނދިއެޅުވީއެވެ. މާލެ ފުރަންޖެހޭތީ މާއަވަސްކޮށްލަން ޖެހުނީއެވެ. އަހުރެމެންނަށް ހީވެފައި އޮންނަނީ ހަމަ އެދުވަހު ރާބަދި އަޅުވަން ޖެހޭ ކަމަށެވެ. އެއީ ބަލާ ފޮތުގައި އޮންނަ ގޮތެވެ. އަޅުގަނޑު ކައިރީގައި އެހީތެރިވާން ހުރީމެވެ. މިއެތުން އިރާދަކުރެއްވިއްޔާ ރާފޮދެއް ލިބޭނެކަމުގެ އުންމީދުގައެވެ. އަހުރެން ރުކަށް އެރުމުގެ ބަދަލުގައި މިއަދު މެންދުރުފަހުން ތިނަދޫ ޒާހިރު ރުކަށް އެރުވީމެވެ. އަންނި މާލޭން، އައުމުގެ ކުރިން އަލަށް ރާކުރި އެތުގެ ހާލުބަލުމަށެވެ.
މިސޮރަކީ ބުނާބަސް ގަބޫލުކުރާ ފާޑުގެ ގޮލައެއް ނޫނެވެ. އަންނި ކޮށްފައިހުރި މަސައްކަތް ރޫޅާލައި އަލުން އެއެތްބަނދެ އެތައް ކަމެއް މީނާ އަމިއްލައަށް ކޮށްފިއެވެ. އަޅުގަނޑު އޭނާ ރުކަށް އެރުވީ ހަމައެކަނި ބަލާލުމަށެވެ. އެހެނަސް މިކަލޭގެ އެތުގެ ކޮޅުންބައެއް ކޮށާވެސް ހެދިތަން ފެނުނެވެ. ތިރީގައި ހުރެގެން ނުކުޅޭށޭ ބުންޏަސް މިސޮރުއަޑެއް ނާހައެވެ. އޭނާއަށް ހެދުނުހާ އެއްޗެއް އެ އެތަށް ހެދީއެވެ. ގިނަ ކަންތައްތަކެއް ކުރުމަށް ފަހު ފައިބާފައި ބުނީ މިފަހަރު ރާލިބޭނެއެވެ. ބަރާބަރުވާނެއެވެ. މިހާރު ހުންނާނީ ރަނގަޅަށެވެ. މީނާ އެރުވީ އެއްވެސް އެތަކާ ކުޅުން މަނާކޮށްފައެވެ. ހަމައެކަނި ބަލާލުމަށެވެ. މިއީ އަޅުގަނޑަށް ހެދުނު ގޯހެއްކަން ފަހުން ވިސްނުނެވެ.
26 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 704 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެ ގެންދިޔައެވެ. އޭނާގެ މާމައާ ބައްދަލު ކުރުމަށް އިރުކޮޅަކަށް ގެއަށް ގެންދާށެވެ. މިއަދު އަންނިއަށް ގެއިންބައެއް ސާމަނު ލިބުނެވެ. ގިނައިން ހުރީ ކެއުމުގެ ސާމާނެވެ. އަންނިގެ މަންމަ އަންނިއާ ބައްދަލު ކުރުމަށް މިއަދު ޖަލަށް އައެވެ. އަންނި މަންމަ ގެނައި އެކްސަސައިޒިން ބައިސްކަލް އިރުއޮއްސެނިކޮށް ގެނެސް މިބަޔަށް ވެއްދިއެވެ.
ހުރިހާ ގައިދީންނަށް ކަސްރަތުކުރަން އެރޭ ގޮތަށް މިބައިސްކަލް ވަނީ އަންނި ހުޅުވާލައްވާފައެވެ. ބެހެއްޓެވީ ފަސޭހައިން އެންމެންނަށް ބޭނުންކުރެވޭ ގޮތަށެވެ. ކޮޓަރިތަކުގެ ހުޅުވިފައިވާ ފެންޑާގައެވެ. މިއަދު ރުކަށް އެރީ އަންނިއެވެ. ބޭރުފުށުން ފެންނަފެނުމުގައި ޒާހިރުގޯހެއް ހަދާފައި ނެތްކަމަށް އަންނި ބުނެދެއްވިއެވެ. މިއަދުވެސް އިތުރު އެތެއް ގުދުކޮށްހަދާއި ޕްލާސްޓިކް ފުޅިއަކުން ބަންޖެއްހަދައި އެޅުވީއެވެ. މާދަމާ ވާނެގޮތެއްގެ އިންތިޒާރުގައި ތިބީއެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ.
27 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 705 ވަނަ ދުވަހެވެ. ރުކަށް އެރުމާއި ގަސްއިންދާ ސަރަހައްދުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އަންނި ޚަބަރު ދެއްވި ގޮތުގައި ދެއެތުން ކުރެ އެއްވެސް އެތެއްގައި ރަލުގެ އަސަރެއް ނެތެވެ. ތިކިޖަހާފަހުރިތޯ ކޮންމެ ފަހަރަކު ބަނދިނައްޓާ ބަލަން ޖެހެއެވެ. ދުވާލަކު ތިންފަހަރު މިމަސައްކަތް ކުރެވެއެވެ. ބޮޑު މަޖަލެކެވެ. ކާމިޔާބު ވާތަނެއް ނުފެނެއެވެ.
28 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 706 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. ރަސްމީބަންދު ދުވަހެކެވެ. ރާއްޖޭގެ ހުރަވީ ދުވަހެވެ. ދޮންބަންޑާރައިން ޖިހާދުކޮށް ދިވެހިގައުމަށް ކާމިޔާބު ހޯއްދަވައި ދެއްވި ދުވަހެވެ. މިއަދަކީ، 3 ޖުމާދަލްއާޚިރާ 1413 ހިޖްރީ ސަނަތުން ވީދުވަހެވެ. މިއަދު ވެސް އަންނި ރުކަށް އަރާ ވާނުވާއެއް ބެލިއިރު ރަލުގެ އަސަރެއް ނުފެނެއެވެ. ދެން އަލުން ލަންބާލާނެ އެތެއް އެރުކުގައި ނެތެވެ. ހުރީ މާޅަ އެއްތަކެވެ. އެގޮތް މިގޮތް ހަދަހަދާ ތިބެނީއެވެ. ރާތިއްކެއް ވެސް، އަދި ތެތްކަމެއް ވެސް އެތުގެކޮޅުން ނުފެނެއެވެ. އެތުގައި މާބޫރެއް ކުޅަދުރެއްހާ ހިސާބު ވެސް ނުޖައްސައެވެ. މިބުރުގައިވެސް އެކުގައި ފެއިލްވީއެވެ.
29 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 707 ވަނަ ދުވަހެވެ. މިއަދު ބިގޭ އާއި އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ބިގޭ ދެއްކީ ޑޮކްޓަރ މުހަންމަދު އަހްމަދަށެވެ. މީނާ ބައްލަވަން އިންނަވަނީ އޯޑިއޯންގައި ސިފައިން ތިބޭ ތަނުގައެވެ. އަންނި ގެންދިޔައީ ލޯދެއްކުމަށް ފާތުމަތު ދީދީގެ ކުލިނިކަށެވެ. އެހެނަސް މިއަދު، ފާތުމައިދީދީއަށް ދެއްކޭގޮތެއް ނުވިއެވެ.
މިއަދު މާލެއަށް މާމައާ ބައްދަލުކޮށް ދިނުމަށް ގެއަށް ވަގުތުކޮޅަކަށް ދާން އެދި ޕްރިސަންސްއަށް ސިޓީއެއް ލިޔުނީމެވެ. މިއަދު އާދަޔާޚިލާފަށް ކަނާއަތުލޮލުގެ ބުމަވަރަށް ބޮޑަށްތޮޅުނެވެ. މިކަމާ ވަރަށް ގިނަފިކުރުތައް ކުރީމެވެ. މިއަދު ރުކަށް އެރީ އަޅުގަނޑެވެ. ވަކިކުރާނެ އާކަމެއް ވިސްނުމުގައި ނެތެވެ. ބަލާލާފައި ފޭބީއެވެ. ބަންޖާއިފުޅި ނައްޓާއި ބަލައިލިއިރު ތިއްކެއްހާ ހިސާބުވެސް ޖަހާފައި ނެތެވެ. ހަމަ ސުމެކެވެ! މިހާރު މިތިބީ ރުކުރަލުން މާޔޫސް ވެފައެވެ. މިކަމެއް ނުކުރެވޭނެކަން ޔަގީން ވެއްޖެއެވެ. މިރުކަކީ ރާނުދޭރުކެއް ކަމުގައި މިއަދު ނިންމައިފީމެވެ. ނުބައިވީ ރުކެވެ. އަހުރެމެންގެ މަސައްކަތެއް ނޫނެވެ. އަހުރެމެންނަށް ނޭނގުނީ ކަމަކަށް ނުބެލެވުނެވެ. ފޮތެއް ގެންގުޅެވޭތީއެވެ.
30 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 708 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
1 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 709 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އާދަންޒާހިރު ގެއަށްޕެޓްރޯލް ފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގައި ހިމެނޭ، ޝާޒުވަލީދު ގެނެސް މިބަޔަށް މިއަދުވެއްދިއެވެ. ހޫނު މަރުހަބާއެއް ކީމެވެ. މިއީ ދޫނިދޫން ފެށިގެން ވަރަށް އެކުވެރި މިޒާޖެއްގެ ޚުލްގުހެޔޮ ހިތްތިރި އެކުވެރިކަން ބާއްވާ ބޭފުޅެކެވެ. އޭނައާއި ކާދޫ އިބުރޭ ދެމީހުން ބޭރުގޮޅިއެއްގައި ތިބެފައި ތަޅާއިފޮޅައި ގަތުމުން ވަލީދު ގެނެސް މިބަޔަށް ލީއެވެ. ކާދޫ އިބުރޭ އޭނާ ހުރި ގޮޅީގައި ބޭރުގައި ބެހެއްޓީއެވެ. ވަލީދު ވެއްދީ ނާސިރު ކައިރިޔަށް، 11 ނަންބަރު ކޮޓަރިއަށެވެ. އަނެއްކާވެސް، 16 މީހުން މިބައިގާ ހަމަވީއެވެ. ދެންބާކީ ހުސްކޮށް އޮތީ ދެޖާގައެވެ.

މިއަދު މަންމައަށް ގެއަށް ސިޓީއެއް ލިޔެފައި ޖަލުއޮފީހާ ފޮނުވައި ދިނުން އެދި ހަވާލުކުރީމެވެ. ގައިދީން މިނިވަންކޮށް ދޫކުރުމާ ގުޅިގެން މިގެންގުޅޭ ސިޔާސަތެއް ނޭގޭކަމަށާއި އަޅުގަނޑަށް ފެންނަބައެއް ގޮތްތަކާއި ކަންތައް މި ސިޓީގައި މަންމައަށް ލިޔުނީމެވެ. މިކަންކުރީ ކޮންމެހެން މަންމައަށް މިވާހަކަތައް އެންގުމުގެ ބޭނުމުގައެއް ނޫނެވެ. އަޅުގަނޑުގެ ސިޓީތައް ސެންސަރުކޮށް ބަލާއި ކިޔާހަދަނީ އިސްތަފާއަށް ވާތީ، އޭނާއަށް މިވާހަކަތައް ދައްކާލުމުގެ މަގްސަދުގައި ކުރިކަމެކެވެ.
ގެއަށްލިބޭ ކޮންމެ ސިޓީއެއްގައި ވެސް ކަނޑާބަލާފައި ޖެހުމަށް ފަހު، އިސްތަފާ ސޮއިކުރައްވާފައި އޮވެއެވެ. މަންމައަށް ފޮނުވި ސިޓީއާއެކު ވަރަށްދިގު ސިޓީއެއް ލިޔެފައި ތުއްތައަށް ވެސް އެއުރަތެރޭގައި ފޮނުވީމެވެ. މި ހުރިހާ ސިޓީތަކެއް އަކުރުން އަކުރަށް އިސްތަފާ ކިޔުއްވައެވެ. އެހެންވެ ބައެއް ވާހަކަތައް އިސްތަފާއަށް ވެސް ލިޔެ ދެވެނީއެވެ. އަދި އޭނާ މިވާހަކަތަކައި ވަރަށް ގަޔާވާކަން އެނގެއެވެ.
2 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 710 ވަނަ ދުވަހެވެ. މިއަދު ކުޅޭކަށް ނުނެރެއެވެ. އެގަޑީގައި ބިދޭސީގައިދީން ބޭރަށް ނެރެންޖެހިގެން ކަމަށް ފަހުން އަޅުގަނޑުމެންނަށް އެންގިއެވެ. އަބްދު ﷲ ހުސައިން މިއަދު އޭނާގެ ބޭބެއާ ބައްދަލުކުރިއެވެ.
3 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 711 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ވާއްޕެލައްވާ އަނެއްކާވެސް އަޅުގަނޑުގެބޯ ކޮށާލީމެވެ. އަދި މަތިމަސް ވެސް ކުރުކޮށްލީމެވެ. ވާއްޕެ އަކީ އަބަދުވެސް އަޅުގަނޑުގެ ބޯ ޖަލުގައި ހުރި ދުވަސްވަރު ކޮށައިދޭ އެކުވެރިޔާއެވެ. ޖަލުއޮފީހުގެ ނަސީމު ކައިރީގައި ބުނެލާއިރަށް މިކަންތައް ހަމަޖައްސައި ދެއެވެ. މިއަދު ބިގޭވެސް ބޯތުނިކޮށް ކޮށާލިއެވެ. މިއަދު ވިންޓަރު ޝަރީފް ހައިކޯޓަށް މާލެއަށް ގެންދިޔައެވެ. ބަޔާނެއްގައި ސޮއިކުރުވާށެވެ.
ބަޔާނުގައި ވިންޓަރު ދެއްކެވި ބައެއްވާހަކަތައް ނެތުމުން ވިންޓަރުޝަރީފް ސޮއިކުރައްވަން އިންކާރުކޮށް މިއަދު ޖަލަށް އެނބުރިދުރުވީ އެބަޔާނުގައި ސޮއިނުކޮށެވެ. އިސްލާހުކުރުމަށް ފަހު، އެހެން ދުވަހަކު ސޮއިކުރުވާ ގޮތަށް މިއަދަށް ނިންމާލީއެވެ. މިއަދު އިސްތަފާ އާއި ޕްރިސަންސްގެ ދެމީހަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. ކޮޓަރިތައް ބައްލަވާލެއްވިއެވެ. ކޮޓަރިތަކާއި ފާޚާނާތައް ސާފުކަމަށް ވިދާޅުވިއެވެ. މިސްކިތަށް ގާޑުންނައި ނުލާ ނުކުމެވޭގޮތަށް ހަމަޖައްސައި ދެއްވުމަށް އެދުމުން ވިދާޅުވީ އެކަންތައް ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.
4 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 712 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ރާކުރިރުކުން އަދިވެސް ރާފޮދެއް ބޯލަންލިބޭ ވަރެއްނުވެއެވެ. ކަށިކިޔޮފަތްތައް ފަޅާލާފައި އެތްތައް ފޮޅި ގޮބޮޅިއަށް ވަނީއެވެ. އުޅެއުޅެ ވެސް މިކަން ކާމިޔާބެއް ނުކުރެވުނެވެ. މިހާރަކަށް އައިސްވާގޮތަކީ އަންނި މާލެއަށް ގެންދާ ދުވަސްދުވަހު އެކި މީސްމީހުންއަރާ އެތްތަކާކުޅެ އެގޮތްމިގޮތް ހަދަނީއެވެ. އިރުއިރުކޮޅާ ބަނދިނައްޓާ ބަލާވެސް ހަދަނީއެވެ. އިންދި ގަސްތައް ވަރަށްރީއްޗަށް އެބަ ބޮޑެތި ވެއެވެ. ފަޅޯގަސްތައް ހެދޭލެއް ވަރަށްޗާލެވެ. ކޮންމެ ވެސް ދުވަހަކުން މޭވާ ލިބޭނެއެވެ. ކޮންމެ ދުވަހަކު ވެސް ގަސްތަކަށް ފެންދީހަދަމެވެ. މިމަސައްކަތް ކުރަނީ އަޅުގަނޑެވެ. ވަރަށް ހެނދުނާ އެތަނަށް ދަމެވެ. ގިނައިރު އެތާނގައި އުޅެމެވެ. ބައެއްފަހަރު ފޮތްކިޔަން އިންނަނީވެސް އެތަނުގައެވެ.
5 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 713 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ނާސިރާއި ވިންޓަރ މާލެއަށް ގެންދިޔައެވެ. މިއަދު މޫދުން ހިފުނު ވެނެއް ގެނެސް ކައްކައިގެން ކެއުންއޮތެވެ. މިކަމުގައި އުޅެނީ، އަޅުގަނޑެވެ. އަދި ކާންވެސް ޖެހެނީ އަޅުގަނޑަށެވެ. އެހެން ގައިދީއަކު މިކަމާ ނޫޅެއެވެ. ވަށްކަމުގެ މައްސަލައެއްގައި ބޭރުގައި ބަންދުކޮށްގެން ގެންގުޅޭ ހަސީނާ ކިޔާ އަންހެނެއް ކައިރިޔަށް، "ދާންނާކުރު" އޭ ކިޔާ ގައިދީއަކު ވަދެގެން އެމައްސަލަ ޖެހިގެން ބޭރުގައި އުޅޭ ޚަބަރުލިބުނެވެ.
ހަސީނާކާރިޔަށް ރޭގަނޑު ދަންވަރު، ދާންނާކުރު ވަދެގެން އުޅެނިކޮށް ފަޅާއެރީއެވެ. ޖަލުތެރޭގައި މިފަދަ ކަންތަކަކީ ގިނައިން ހިނގާ ކަންތަކެވެ. ބަޔަކު ގަސްދުގައި ކުރާ ކަމަކަށް ވެއެވެ. އަދި ސިފައިން ވެސް މި މަންޖެ ކައިރިޔަށް ޒިޔާރަތް ކުރާކަމަށް ވެއެވެ. މި މައްސަލަ ގަނޑު ޖެހިގެން ކަންތައް ބޮޑުވެގެން ނޭ ކިޔާފައި ހަސީނާ ބަންދު ކުރީ، ގައިދީން އެވެރިންގެ އަނބިންނާ އެކަހެރިކޮށް ބައްދަލު ކުރާ ކޮޓަރީގައެވެ. ވެރިންނަށް ޒިޔާރަތް ކުރުން ފަސޭހަވީއެވެ.
މިހާ ހިސާބުން ހަސީނާގެ ހާލުބަލާއި ވާހަކަދައްކަލާ ހެދެނީ ހަމައެކަނި ބޮޑުންނަށެވެ. ގައިދީންނަށް އެދޮރު ބަންދުވީއެވެ. ރަނގަޅަށް ވިއްޔާ އެކޮޓަރިއަށް ބޮޑުންނަށް ހިލޭސާބަހަށް ޒިޔާރަތް ކުރެވޭނެއެވެ. މިކަންތައްވީ އަޅުގަނޑުމެންނަށް ވަރަށް ހެއްވާ ކަމަކަށެވެ. ނަސީމު މެންނަށް ހަސީނާ ބަލަހައްޓަން މާ ފަސޭހަވީއެވެ. މިއަދު ގެއިން ހަވީރުނޫސް ބޮނޑިއެއް ލިބުނެވެ. ގިނަ ޚަބަރުތައް ހުއްޓެވެ. ނޫސްތައް އެކުގައި ކިޔާ މީހަކީ އަޅުގަނޑެވެ.
6 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 714 ވަނަ ދުވަހެވެ. ޝަންމި އާއި އަބްދު ﷲ ސަލީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
7 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 715 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ވަލީދާއި އާދިލާއި ނާސިރު މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އާދިލާއި ނާސިރު، ގެންދިޔައީ ޕްރިސަންސަށެވެ. މިދެމީހުންގެ ހުކުމުގެ ދެބައިކޮށް އެއްބައި ކަނޑައިދެއްވި ކަމުގެ ވާހަކަ އެންގެވުމަށެވެ. ފޮތެއްގައި ލިޔެ މިކަންތައް އާދިލަށާއި ނާސިރަށް އެންގިކަމަށް އެމީހުން އައިސް ބުނެދިނެވެ.
މިހާތަނަށް ރާކުރެވުނު އެތްތަކުން ރާ ނުލިބުމުން މިއަދު އަނެއްކާވެސް އާއެތެއް ރާކުރެވޭތޯ އަންނި މަސައްކަތް ފެއްޓެވިއެވެ. މިފަހަރު ފޮތްތަކުގެ އިތުރުން ގެއަށްލިޔެގެން މިކަންކުރާނެގޮތް އޮޅުންފިލުވުމަށް ފަހު، މިއަދުގެ މަސައްކަތް ކާމިޔާބުވޭތޯ އާ ރޫހެއްގައި ބެލީއެވެ. ރުކުގައި ވަރަށް ގިނައިރު މިއަދު، އަންނި ހޭދަކުރިއެވެ. އަޅުގަނޑު ތިރީގައި ބަލަންހުރީމެވެ. އަދި އެދުނުހާކަމެއް އެހީތެރިވުމުގެ ގޮތުންކޮށް ދިނީމެވެ.
މިއަދު މިކުރެވުނު މަސައްކަތަކީ ފޮތްތަކުން ލިބުނު ވާހަކަތަކާއި ގެއިންލިޔެގެން ގެނުވި ވާހަކަތަކާއި މިވީހާދުވަހުގެ އަމަލީ ތަޖްރިބާތަކަށް ބަހުސްކޮށް މަޝްވަރާކުރުމަށް ފަހު، އެންމެންގެ ޚިޔާލާއެކު އަންނި ކުރެއްވި މަސައްކަތެވެ. މިއީ ދެން، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާކަމެއް ކުރެވުނުދުވަހެވެ. ވާއެއްޗެއް އެނގިދާނެތާއެވެ! ރާފޮދެއް ބޯލަންލިބޭތޯ ބަލަބަލާ ތިބީއެވެ. ކުރިން ރާކުރި އެތްތަކުން ރާތިއްކެއްވެސް ޖަހާލާފައި ނެތެވެ. މެއްސެއްމާބޫރެއްހާ ހިސާބުވެސް އެއިންއެތެއްގެ ކާރިޔަށް ބުރާލިތަނެއް ނުފެނެއެވެ.
8 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 716 ވަނަ ދުވަހެވެ. ވިންޓަރ ހައިކޯޓަށް އަދި ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ރައީސް މައުމޫނަށް، ގެއަށް ބަދަލުކޮށް ދެއްވާތޯ ދަންނަވައި ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުން އެދި ހަވާލުކުރީމެވެ. މިއީ ރައީސް މައުމޫނަށް މިބީދައިންލިޔެވޭ، 6 ވަނަ ސިޓީއެވެ. ޖަލުބަލަހައްޓާ ސިފައިންގެ ފަރާތުން، އާދިލްނައީމް އޭ ކިޔާބޭފުޅަކު އަޅުގަނޑުމެންނަށް އެނގުމެއް އެންގެވިއެވެ. މޫދަށްއެރި އުޅޭއިރު މޫދުން ދިރޭމަސް ހިފުމަކީ މިއަދުން ފެށިގެން މަނާކަމެކެވެ. މިއީ ސީނުކަރަންކާ ނާޒިމަށް ފަހު ޖަލާ ހަވާލުވި ސިފައިންގެ އިސް އޮފިސަރެވެ.
އެއްވެސް ގައިދީއަކު މޫދުގައި ހޭދަކުރާ ވަގުތުގައި މަސްހިފުމަކީ މުޅިންމާނާކަމެއްގެ ގޮތުގައި މިއަދު އަންގާއި އެކަންމަނާ ކުރެވުނީއެވެ. މިކަން އަޅުގަނޑުމެން ކުރާތީ ބައެއް ސިފައިން ހިތްހަމަނުޖެހިގެން ޝަކުވާކުރީކަމަށް ޖަލުއޮފީހުން ޚަބަރުލިބުނެވެ. ސިފައިން އަންގައިގެން މަނާވިކަމެއް ކަމުގައި ނަސީމު ވެސް ބުނެދެއްވިއެވެ. މަނާކުރެއްވިޔަސް މިކަމަކީ ހުއްޓޭނެކަމެއް ނޫނެވެ. މޫދަށް ނެރެންޏާ ސިއްރުން ނަމަވެސް މިކަންހިނގާނެ ކަމަށް ނަސީމަށް އަޅުގަނޑު ދެންނެވީމެވެ.
ނަސީމު ވިދާޅުވީ ސިފައިންގެ އެދުމުގެމަތިން މިއީ މަނާކަމެއް ކަމަށެވެ. އެހެނަސް ޗެކްކޮށް ބަލާނުހަދާނެ ކަމަށެވެ. ދެން އަޅުގަނޑު ކުރަންފެށި ކަމަކީ ރާބުޅާހިފައިގެން ރޮލާ މޫދުގައި ހުރެގެން ކާލަނީއެވެ. މޫދުގެ ލޮނާއެކު ރޯމަސް ވަރަށްމީރެވެ. މިދުވަސްވަރު ވަރަށްގިނައިން ރޯމަސްކައި އުޅެވުނެވެ. އެހެން ގައިދީންނަށް މިކަންވަނީ މަޖާކަމަކަށެވެ. މިގޮތަށް ކާލަންކެރޭ އެކަކުވެސް ނުހުރެއެވެ. ބައެއް ދުވަސްދުވަހު ކާށިހިފައިގެން މޫދަށްގޮސް ކާއްޓާއެކު ރޯމަސްކައި ހަދަމެވެ. ފަހުންއައިސް މުށިމަސް އެއްޗެހީގެ ބޮލާއެކުރޮލައި ލޮނުންސާފުކޮށް ލައިގެން ކާލުމަކީ އެއްވެސް ކަމެއްނޫނެވެ. ހަމަ މަޖާކަމެކެވެ. ވަރަށްމީރެވެ. ރުކުގެކަންތައް ދަނީ ސުމަކަށެވެ. ކާމިޔާބެއް ނުވެއެވެ.
9 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 717 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަބްދު ﷲ ހުސައިނާއި ޝަންމި އާއި މުފީއްޓޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު މިބަޔަށް ގަސް އިބްރާހީމް މަނިކާއި ސުދްމާ އާއި އަނީގާ، ވެންނެވިއެވެ. ދަމުންދިޔައީ ވިންޓަރުޝަރީފްގެ ހުރިހާސާމާނާއެކު އޭނާ ގޮވައިގެންނެވެ. މާލެއަށް ގޭބަންދަށް ބަދަލު ކުރަނީއެވެ. މިވީގޮތުން މިހާރު، 8 ނަންބަރު ކޮޓަރީގައި ކިޔޮޅު އެކަނިވީއެވެ. މުޅި މިބައިގާ، 15 މީހުންނަށް ވީއެވެ.
މިއަދު އަޅުގަނޑުގެ ނަމުގައި ޖަވާހިރުވާދީއަށް ލިބެމުންދާ މަޖައްލާއެއް ކަމުގައިވާ “މަޙްޖޫބާ” އިރާނުންނެރޭ މަޖައްލާއެއް ލިބުނެވެ. ގެއިން ފޮނުވީއެވެ. މިއީ އިނގިރޭސި ބަހުން، އީރާނުގައި ނެރޭ މަޖައްލާއެކެވެ. އަދި ޕްރިސަންސުން ފޮނުވި އެއްޗެއްގެ ގޮތުގައި އިލްޔާސް އަބްދު ﷲ އަށް އެޑްރެސްކޮށްފައިވާ ކާޑެއްވެސް ލިބުނެވެ. އިލްޔާސް އަބްދު ﷲ އާއި އިލްޔާސް ހުސައިނާ ދެމީހުން އޮޅިގެން ފޮނުވިފައި އޮތީއެވެ. އަޅުގަނޑު އަޅައެއް ނުލަމެވެ. ބޭއްވީއެވެ. އެއީ އިނގިރޭސި ވިލާތުން އައިސްފައި އޮތް ހަނދާނީ ތަހުނިޔާގެ ޕޯސްޓުކާޑެކެވެ.
10 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 718 ވަނަ ދުވަހެވެ. އަބްދު ﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
11 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 719 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅަށް މިއަދު މޫދުން، ގުރުވަތަކެއް ހިފައިގެން ގެނެސް ލީމެވެ. މަދިރިފަނި އަޅާތީއެވެ. ނަސީބަކުން އެއްވެސް ގުރުވައެއް މަރެއް ނުވިއެވެ. ވަޅުފެނަށް ދިރުނީއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށްރީއްޗެވެ. ފަޅޯގަސްތައް ބޮޑެތިވެއްޖެއެވެ. ހަތަރުފޫޓު ވަރަށްދިގު ވެއްޖެއެވެ.
12 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 720 ވަނަ ދުވަހެވެ. ޝަންމި އާއި ވިސާމާއި ނާސިރު މިއަދު މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ވިސާމާއި ނާސިރު ކޯޓަށެވެ. ނާސިރައި ބައްދަލުކުރަން އެގޭ މީހުން އައިސް ތިބުމުން ނާސިރު އެތެރެއަށް ވެއްދީ ބައްދަލުވުން ނިންމާފައެވެ. މިބައްދަލުވުން ހިނގީ، ނާސިރުގެ މަންމައާ އެކުގައެވެ.
13 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 721 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިގެ ކޮއްކޮ ނާޒިމް މިއަދު އަންނިއާ ބައްދަލުކުރުން އޮތެވެ. އަންނިއަށް ގެއިންވަރަށް ގިނަސާމާނު މިއަދުލިބުނެވެ. ރާވެރިކަމަށް އިތުރުބަންޖެއް ވެސް ލިބުނެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ކުދިމަސް ހިފައިގެން ގެނެސް ކައްކައިގެން ކާލީއެވެ. މިއީ ސިފައިން މަނާކޮށްފައިވާ ކަމެކެވެ. އެހެނަސް ކުދިކުދި މަހަށް ވާތި ޖީބަށްއަޅައިގެން އެތެރެކުރީއެވެ. އަޅާލާނެ މީހަކު ނުހުރެއެވެ.
14 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 722 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. ކިޔޮޅު އޭނާގެ ބައްޕައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށް ގެންދިޔައެވެ. ރޭގަނޑުވީފަހުން، ޑްރަގާބެހޭގޮތުން ޖަލުގައި ހުރި، މާކަރީއެއްބެ، އަދި ޕެޓްރޯލް ބޮމުގެ މައްސަލާގައި ޖަލުގައިހުރި ވާއްޕެ، މިބަޔަށް ބަދަލުކުރިއެވެ. ވާއްޕެވެއްދީ، 12 ނަންބަރު ކޮޓަރިއަށެވެ. އިއްބެވެއްދީ، 11 ނަންބަރު ކޮޓަރިއަށެވެ. މިހާރު ދެން ބާކީ އޮތީ، 1 ޖާގައެވެ. އަނެއްކާވެސް، 17 މީހުން މިބަޔަށް ހަމަވީއެވެ.
އަޅުގަނޑުގެ ބޯކޮށަން ވަރަށް ފަސޭހަވީއެވެ. އަދި އަބަދުވެސް ވާއްޕެ އާއެކު އުޅެވޭގޮތްވީއެވެ. ކުރީދެތިން ފަހަރުވެސް އަޅުގަނޑުގެބޯ ކޮށައިދިނީ ވާއްޕެއެވެ. ރޭގަނޑު، 10:30 އެހާކަންހާއިރު ނަސީމުދުރުވެ، އަޅުގަނޑާ ވާހަކަ ދައްކާލައްވާފައި ހިނގައްޖެއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރާރުކުން، އާއެތެއް ދައްކާލާފައި އިނުމުން އަލަށް ލިބުނު ބަނދި އެ އެތުގައި މިއަދު އެޅުވިއެވެ. މިކަންކުރީ އަންނިއެވެ. ކުރިން މަސައްކަތް ކުރީ ބަންޖަކާއި ޕްލާސްޓިކް ފުޅިއެއް ބޭނުންކޮށް ގެންނެވެ. އެ ދެއެތުން ހަމަތިއްކެއްހާ ރާފޮދެއްވެސް ނުލިބުނެވެ. މިއަދު އަލަށް ރާކުރެވުނު އެތުން ރާފޮދެއް ލިބޭނެކަމުގެ އުންމީދު ކުރެވެއެވެ. ވާނެ އެއްޗެއް އެނގިދާނެތާއެވެ.
15 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 723 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަބްދު ﷲ ސަލީމް، އޭނާގެ އާއިލާއާ ބައްދަލުކުރުން މިއަދުއޮތެވެ. އޭނާގެ ގެއިން ބައެއްސާމާނު ލިބުނެވެ. އަދި އަޅުގަނޑަށް ގެއިން، ކަލަންޑަރެއް ލިބުނެވެ. ދުވަސްގުނަން ވަރަށް ފަސޭހަވީއެވެ.
މިއަދު ތިންފަހަރު ރުކަށްއަރާ ބެލިއިރުވެސް ރާތިއްކާހިސާބު ވެސް ތިންއެތުންކުރެ އެއްވެސް އެތަކުން ފާއްދާލާފައެއް ނެތެވެ. މިހާ ހިސާބުން މިކަންތައް ނުވާނެކަމަށް އަނެއްކާވެސް އަންނި ނިންމެވީއެވެ. އެހެނަސް މިކުރެވުނީ ވަރަށްމުހިންމު އާދަޔާޚިލާފު ތަޖްރިބާ ތަކެއްކަން ކަށަވަރެވެ. ނަތީޖާ ނުނެރެވުނު އަމަލެކެވެ. ތަޖްރިބާއެކެވެ!
16 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 724 ވަނަ ދުވަހެވެ. އަބްދު ﷲ ހުސައިނާއި ޝަންމި މިއަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިދަތުރުގައި ބައިގަޑިއިރަށް އަބްދު ﷲ ހުސައިން، ޖަވާހިރުވާދީއަށް އަޅުގަނޑުމެންގެ މާމައާބައްދަލުކޮށް ލުމަށް ގެން ދިޔައެވެ. އަދި މިއަދުހަވީރު މަންމަ އާއި ތުއްތަ އާއި އިފާއި އާތު އާއި އަޅުގަނޑުމެންނާ ބައްދަލުވުމަށް ގާމާދޫއަށް އައެވެ. ގެއިން ވަރަށްގިނަ ސާމާނު ވެސް ލިބުނެވެ. މިއަދަކީ، އަޅުގަނޑުމެންނަށް ތާރީޚީދުވަހެކެވެ. މަންމަ މިކަން ހަދާންކޮށް ދިނެވެ. މަންމަމެންގެ ހިތުގައި މިފަދަކަންތައް ހަރުލާފައި ހުންނަވަރު ފާހަގަކުރެވުނެވެ.
ޖަވާހިރުވާދީއަށް ސިފައިންގެ ބޮޑުޖަމާއަތެއްވަދެ، އަޅުގަނޑުމެން، ޖަވާހިރުވާދީ އެންމެން ބަންދުކުރިތާ ބަރާބަރު، 2 އަހަރުފުރުނު ދުވަހެވެ. މިއީ ވަރަށް ވަރުގަދަ، އަދި އެހާމެ ވަޙްޝީރޭޑެކެވެ. ހުތުރުކޮށް ހިންގި ރޭޑެކެވެ. މިރޭޑްގައި އިސްކޮށް ހުންނެވީ، އިބްރާހީމް ދީދީއެވެ. ސިފައިންގޭގެ ތިރީހަކަށް ބޭކަލުން މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވިއެވެ.

އެރެއަކީ ޑޮކްޓަރ ވަހީދު ގޭގައި ހުންނެވި ރެއަކަށްވާތީ އިބްރާހީމް ދީދީ، ވަހީދާއި ވާހަކަދައްކަވާއި އޭނާގެ ކޮޓަރި ފާސްކުރައްވާއި ހެއްދެވީ ވަރަށް ސުމާޓްކޮށް ކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެހެނަސް އެހެން އޮފިސަރުންގެ އަމަލުތައް ވަރަށް ރާޅުވެފައި ކުރެކިއެވެ. އަބްދު ﷲ ހުސައިން އާއި އަލީ އާއި ބަންދު ކުރީ މީގެ ދެއަހަރު ކުރިން މި ދުވަހުގެރޭ ދަންވަރުގައެވެ. މި އެންމެން ގެންދިއުމުން ބާކީ ގޭގައި ތިބީ، މުސްކުޅި މާމަ އާއި މަންމަ އާއި ޑޮކްޓަރ ވަހީދާއި ހުރިހާ އަންހެން ކުދިންނެވެ. އަދި އަލްހާނާއި މާއު އަކީ، އޭރު ކުޑަދެކުދިންނެވެ.

17 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 725 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި އާއި ވަލީދު މާލެއަށް ގެންދިޔައެވެ. މާމައާ ބައްދަލުކުރުމަށް ގެއަށް ގެންގޮސްދިނުން، އެދި ލީ ސިޓީގެ ޖަވާބުގައި އެކަން ހަމަޖައްސައި ދެއްވާނެ ކަމަށް ލިޔެފައިއޮތެވެ. މިއަދު މިކަމުގެ ޖަވާބު ސިޓީ ލިބުނެވެ. ހަންދު އާއި ބިގޭއަށް ވެސް ދެއްވާފައި ވަނީ ހަމަ މިޖަވާބެވެ. މާމައާ ބައްދަލުވުމަށް ޖަވާހިރުވާދީއަށް ވަގުތުކޮޅަކަށް ގެންދެވޭނެ ކަމަށެވެ.
18 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 726 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އެސަރަހައްދު ސާފުކުރުން އޮތެވެ. ދޭތެރެދޭތެރެއިން އަދިވެސް ރާރުކަށް އަންނި އަރުއްވައެވެ. އެކިގޮތްގޮތަށް އަދިވެސް މިގެންދަނީ ރާފޮދެއްލިބޭތޯ ތަޖްރިބާކޮށް ބަލަމުންނެވެ. އެހެނަސް އަދި ވެސް ރާފޮދެއް ލިބޭގޮތެއް ނުވެއެވެ. ގަދަހަދާލާފައި އެތްތައް ފޮޅެނީއެވެ. ރާވެރިޔާއަށް އެއެތްތައް ރަލެއް ނުކުރެވެއެވެ. އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު، މިއަދުންފެށިގެން ގަވައިދުން ރުކަށްއެރުން ހުއްޓާލީއެވެ. ފެއިލްވި މަޝްރޫއަކަށް ނިންމީއެވެ.
19 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 727 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.
20 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 728 ވަނަ ދުވަހެވެ. އަޒީ އާއި ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިއާ ބައްދަލުކުރުމަށް އަންނިގެ ކޮއްކޮ ނާއްކޮ މިއަދު، ގާމާދޫއަށް އައިސް އަންނިއާ ބައްދަލު ކުރިއެވެ. ޚަބަރުތައް ރަނގަޅެވެ.
21 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 729 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް ގެންދިޔައެވެ. ދެންގެންދިޔައީ އަޅުގަނޑު މާމައާ ބައްދަލުކުރުމަށެވެ. ގޭގައި، 30 މިނެޓްވަންދެން މާމަކައިރީގައި ހޭދަކުރުމަށް ލިބުނެވެ. ގޭގެހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެ ހާލުވެސް ކުރިއަށްވުރެ މާބޮޑުތަން ރަނގަޅެވެ. މިފަހަރުވެސް ތުއްތަފޮޓޯއެއް ނެގިއެވެ. މިރޭ ގެއިންފޮނުވާފައި އޮތް ނޫސްބޮނޑިއެއް ލިބުނެވެ.
22 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 730 ވަނަ ދުވަހެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަންދު، މާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށް ގެންދިޔައެވެ. ގޭގެ ހުރިހާކަމެއް މިއަދުވެސް ރަނގަޅުކަމަށް ހަންދުބުންޏެވެ.
23 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 731 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. މިއަދަކީ މިބުރުގައި ޖަލަށްލެވުނުތާ ބަރާބަރު، 2 އަހަރުވީ ދުވަހެވެ. އެއްބަސްވުމުގެ ބަޔާނުގައި ސޮއި ކުރީ، 10 ޖެނުއަރީ 1991 ގައެވެ. ހުކުމްގެ މުއްދަތު ގުނަންފެށީ އެދުވަހުން ފެށިގެންނެވެ. މިއަދު މާލެ ގެންދިޔައީ އަބްދު ﷲ ހުސައިނާއި ޝަންމި ހޮސްޕިޓަލަށެވެ.
24 ޑިސެންބަތ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 732 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ގަވައިދުން ރުކަށް އެރުން ހުއްޓާލިއަސް އަދިވެސް ބައެއްފަހަރު އެކި މީހުން އަރާހަދައެވެ. އެކިގޮތްގޮތް އަދިވެސް ހަދާލެވެނީއެވެ. އެކި މީހުން ކުޅެލާ ހަދަނީއެވެ. އެހެނަސް ރާފޮދެއް ނުލިބެއެވެ. ޖަލުގައި ކުރެވުނު ކަންތަކުގެ ތެރެއިން ކާމިޔާބުނުވި ކަމަކީ ހަމައެކަނި މިކަމެވެ. އުޅެއުޅެވެސް ބޯލާނެރާފޮދެއް ލިބޭގޮތް ނުވުމުން މިއަދު ހެދިގޮތަކީ ރުކުގައި ގެންގުޅޭ ދެރާބަނދި ރުކުންބާލާއި ދެން މީގެފަހުން އެއްގޮތަކަށް ވެސް މިކަމުގައި ނޫޅެން ނިންމީއެވެ.
މިކަންކާމިޔާބު ނުކުރެވުނީ ފަހަކަށް އައިސް ފަރުވާކުޑަކޮށް ލެވުނީމައެވެ. މިއަދު ބޭރުން ވަރަށް ގިނަމީހުން މާލެއަށް ގެންދިޔަ ޚަބަރު ލިބުނެވެ. ޕެޓްރޯލްފުޅިރޯކޮށް އާދަމްޒާހިރު ގެއަށް އެއްލި، ގުރޫޕުގެ މުސްތަފާ އާއި އެހެން މީހުންނެވެ. ޖުމްލަ، 24 މީހުން ގެންދިޔަކަމަށް ވެއެވެ. އޭގެތެރޭގައި ފުޓްބޯޅަކުޅޭ މަޝްހޫރު ދޮންބިލެތް އަހްމަދާއި އަސްގަރު ކިޔާ ކުއްޖަކާއި ސިރާޖް ކިޔާ މީހަކާއި ބަނބުކިޔޮ ހަސަނާއި އެލިޔާގައި އުޅޭ އޮމަދޫ ސަމަދުބޭގެ، ރީތީ ޝާފީގު ހިމެނެއެވެ.
މުސްތަފާ ގެންދިޔައީ އިސްތަފާއައި ބައްދަލުކޮށްލާށެވެ. މިރޭގައި މަޖާކޮށްލުމަށް އެކުވެރިކަމުގެ ޕާޓީއެއް ބޭއްވީމެވެ. ކްރިސްމަސް ނައިޓަށް ވާތީއޭ ކިޔާފައި މަޖާކޮށް ލުމަށެވެ. ސެންޓަރކުލައުސް އަށް ވެގެން އެންމެންނަށް ހަދިޔާބަހަން އުޅުނީ، މާކަރީ އިއްބެއެވެ. ހެއްހެއްހެއް! މާދަމާ އަކީ އެބުނާ ކްރިސްމަސް ދުވަހެވެ. މިހަފްލާ ފެއްޓީ، މެންދަމު ބާރަޖެހުމުންނެވެ. އިރުއަރަންދެން ހޭލާތިބީއެވެ. މިއީ ހަމަ މަޖާކޮށްލަން ކުރި ކަމެކެވެ. އެހެން އެއްވެސް މަގްސަދެއް ނެތިއެވެ.
25 ޑިސެންބަތ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 733 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އިއްޔެ މުސްތަފާ މާލެ ގެންގޮސް އިސްތަފާއާ ބައްދަލުވުމުގައި އަޅުގަނޑުމެންނާ އެކު ކުޅެން ބޭރަށް ނެރުމަށް އެދުމުން މުސްތަފާ ވެސް އަޅުގަނދުމެންނާ އެކު ކުޅެން ބޭރަށް ނެރޭ ގޮތަށް ހަމަޖެހުނެވެ. އޭނާއެދުނީ އެބައިންވެސް މިކަމުގައި ބަންދުވި މީހުން އެކުގައި ނެރެދޭތޯއެވެ.
އިސްތަފާ ހަމަޖެއްސެވީ އެއްގަޑިއެއްގައި ބޭރުންނާއި އެތެރެއިން ނުކުމެވޭގޮތަށެވެ. މިހެން ހަމަ ޖެހުމުން ވަރަށް މަޖަލެވެ. ވަރަށް ގިނަމީހުން އެކުގައި ފުޓްބޯޅަކުޅެ މަޖާކޮށް ހެދޭތީއެވެ. ޖަލުއޮފީހަށް މިކަންތައް ހަމަޖެއްސުމަށް ވަނީ އިސްތަފާ އަންގަވާފައެވެ. ވީމާ މިއަދުންފެށިގެން މިކަންހަމަޖެހި ކުރިޔަށް ދިޔައެވެ. ބޭރުގައި ތިބޭ މީހުންނާއި އަޅުގަނޑުމެންނާ އެކީގައި ކޮންމެ ދުވަހަކުވެސް ހަތަރަކުން ހައަކަށް ކުޅެން އުޅެވެން ފެށީއެވެ. މިއަދަކީ އެންމެން އެކުގައި ފުރަތަމަ ފަހަރު ކުޅުނު ދުވަހެވެ.
26 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 734 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އެކަކުވެސް މާލެއަށް ނުގެންދެއެވެ. މިއަދު އަންނި އޭނަގެ ބައްޕައާ ބައްދަލު ކުރެއްވިއެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. ހުރިހާކަމެއް ރަނގަޅެވެ.
ޖަލުގައި ހުރެގެން ދިވެހިބޭންކުން ފުރަތަމަފަހަރަށް ހިއްސާވިއްކަން ފެށުމުން ހިއްސާގަތުން:
27 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 735 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސަށް ސިޓީއެއް ފޮނުވީމެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް އިން އިއުލާނު ކުރި އެބޭންކުގެ ހިއްސާގަތުމަށް ބޭނުންވާ ފޯމްތައް ހޯދުމަށް ބޭންކަށް ސިޓީއެއް ލިޔެ އެސިޓީ ބޭންކަށް ފޮނުވައި ދިނުން އެދިއެވެ. ބޭންކަށް ލިޔުނު ސިޓީ ލިޔެފައި ފޮނުވީ ޕްރިސަންސަށެވެ. ހިއްސާވިއްކަންފެށި ވާހަކަގޮވީ ރޭޑިޔޯއިންނެވެ.
މި ސިޓީގައި ލިޔެފައި ވާނީ، ވިއްކާއެންމެ ގިނައަދަދަކަށް އަޅުގަނޑަށް ހިއްސާ ވިއްކުމަށެވެ. އަދި ބޭންކުގައި ހުރި އަޅުގަނޑުގެ ފައިސާއިން އެކަމަށް ޚަރަދުކުރުމުގެ ހުއްދަ ބޭންކަށް ދީފައެވެ. މިގޮތަށް ލިޔެ ބޭންކު މެނޭޖަރަށް އެޑްރެސްކޮށް މި ސިޓީ މިއަދު، ޕްރިސަންސާ ހަވާލުކުރީމެވެ. މި ސިޓީ ބޭއްވީ ވަކިއުރަކަށްލާފައި ބޭންކު މެނޭޖަރަށް ޖަހާފައި ޕްރިސަންސަށް ފޮނުވި ސިޓީ އުރައިގެ ތެރޭގައެވެ. މިކަންކުރީ އެއްގޮތަކަށް ވެސް ބެންކް އޮފް މޯލްޑިވްސްއިން ހިއްސާ ގަނެވޭނެކަމުގެ އުންމީދު އޮވެގެންނެއް ނޫނެވެ.
ރޭޑިޔޯއިން މިޚަބަރު އަހާފައި އަޅުގަނޑުގެ އެކައުންޓުގައި ބައިވަރު ފައިސާ ޖަމާވެފައި ހުންނާނެތީ ބޭންކުން ހިއްސާގަނެވޭތޯ ކޮށްލިކަމެއްގެ ގޮތުގައެވެ. މިއީ އަތުގައި ރޭޑިއޯއެއް އޮތުމުގެ ފައިދާއެވެ. މިއަދު ކުޅެންށާއިނމޫދަށް ނެރުނެވެ. ބިގޭ އާއި ޝަންމި މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ބިގޭ މާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ޖަވާހިރުވާދީއަށް ގެންދިއުމަށެވެ. ބިގޭ އައިސް ގޭގެވާހަކަތައް ކިޔައިދިނެވެ. އިދުއާ ބައްދަލުވި ވާހަކަބުންޏެވެ. އިފު ލަންކާއަށް ފުރާނީ، 29 ޑިސެންބަރގައި ކަމަށް ވެއެވެ. މާމަގެ ހާލު ރަނގަޅެވެ. ގޭގެ އެންމެންގެ ލޯތްބާއި ސަލާމް ގެނައެވެ.
28 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 736 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.
29 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 737 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.
30 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 738 ވަނަ ދުވަހެވެ. މިހާރުކޮންމެ ދުވަހަކުވެސް ކުޅެންށާއިމޫދަށް ނެރެއެވެ. މިއަދު މާލެ ގެންދިޔައީ އަންނި އާއި ޝަންމިއެވެ. ޝަންމި ހޮސްޕިޓަލަށެވެ. އަންނި ގެންދިޔައީ އަންނިގެ މާމައާ ބައްދަލުކޮށް ލުމަށް ބައިގަޑިއިރަށް ގެއަށެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް އަންނިބުންޏެވެ. ވަކިޚާއްސަ ޚަބަރެއް ގެނެސް ދެއްވައެއް ނެތެވެ.
31 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 739 ވަނަ ދުވަހެވެ. މިއީ ޚާއްސަ ދުވަހެކެވެ. މިއަހަރުނިމޭ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިރެއަކީ އާ އަހަރުފެށޭ ރެއަށް ވާތީ މިރޭ، 12:00 ގައި ޑްރާމާޝޯއަކާއެކު އުފާވެރިކަމުގެ ހަފްލާއެއް ސަޔާއިކޮފީ އާއެކު ބާއްވާގޮތަށް އަޅުގަނޑުމެން ނިންމާއި އެކަންކުރިޔަށް ގެންދެވުނެވެ.
އާއަހަރު ފާހަގަކުރުމަށް ޖަލުގައި ބޭއްވި ތަމްސީލު ޝޯ:
މިތަމްސީލްޝޯގެ ނަމަކީ، (ކަރުނައިގެކަރުނަ) އެވެ. މިވާހަކަލިޔެ ތަމްސީލު ތައްޔާރު ކުރީ އަންނިއެވެ. އެކިބައިތަކަށް އެކިކުދިން ކަނޑައަޅާއި އެމީހުން ތައްޔާރު ކުރީ އަންނިއެވެ. މިކަމުގައި އިސްކޮށް އަންނިއަށް އެހީތެރިވީ އަޅުގަނޑެވެ. މިރޭ ވެގެންދިޔައީ ވަރަށް މަޖާ ނެގުނު ރެއަކަށެވެ. ހުރިހާ ގައިދީން ވެސް ތިބީ ވަރަށް އުފަލުންނެވެ. މިތަމްސީލު ވަރަށް ފުރިހަމައެވެ. ވަރަށްމަޖަލެވެ. ފަތިސްނަމާދާ ހަމައަށް ތިބީ ހޭލައެވެ. ނިދީ ނަމާދަށް ފަހު، ސައިބޮއިގެންނެވެ. މިއީ ޖަލުގެ ހަޔާތުގައި ހަދާނީރެއެކެވެ. ހުރިހާ ގައިދީން ވެސް ތިބީވަރަށް އުފަލުންނެވެ. މިއުޅެވެނީ ޖަލުގައިކަން އެކަކުވެސް ހަދާނެއް ނެތެވެ.
1990 ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި، 1992 ވަނަ އަހަރުގެ ނިޔަލަށް ބަންދުކޮށް ހުކުމް އިއްވުނު މީހުންގެ ނަންތަކާއި އިއްވުނު ހުކުމްތަކުގެ ވާހަކަ:
މިލިސްޓް ލިޔެފައި މިވަނީ، ޖަލުގެބަންދުގައި އިނދެގެންނެވެ. ފަހަރުގައި އަތްދަށުން ކުޑަވެރެއްގެ ކަމެއް ނެއްޓިފައި އޮވެދާނެއެވެ. އެކަމަށް މައާފު ކުރެއްވުން އެދެމެވެ.
އިސްލާހީ ހަރަކާތުގެ ބައެއް ބައިވެރިންނަށް ގޭތެރޭގައި ތިބެގެން، ގެވެހި ކަޓޫރަބޮމެއް އުފެއްދުމަށް މަޖްބޫރު ކުރުވީ، 1990 ވަނަ އަހަރު މާލެ ތެރޭގައި ސިޔާސީ ލީޑަރުންނަށް ޖެއްސުންކޮށް ގޯނާކުރުމަށް ސަރުކާރުން އެހީތެރިކަންދީގެން އެފެއްދި “ބިންބިފޯސް” މާލެތެރޭގައި ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރިވެ، ބައެއް ސިޔާސީ މީހުންނަށް ބޮޑެތި ގޯނާތައްކޮށް އެކިފާޑުގެ ޖެއްސުންކޮށް މަރުގެ އިންޒާރުތައް ދީ ސަރުކާރު އޮފީސްތަކުން ބައެއް ލިޔުންތައް ނަހަމަގޮތުގައި ދަންވަރު ވަދެ ބޭރުކޮށް ބައެއް ސިޔާސީ މީހުން މަގުމަތިކޮށް ހެދީމައެވެ.
ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމަށް މަޖްބޫރުކޮށް އެމަޖިލީހުގެ އިއްޒަތްތެރިބައެއް މެންބަރުންނަށް އަމާޒުކޮށް ސިޔާސީ ގޯނާ ތަކެއްކޮށް ސިޔާސީ ފިއްތުންތަކެއް ފިއްތާއި މާލެތެރޭގައި ނޭދެވޭ ގިނަގުނަ ހަރަކާތްތަކެއް ހިންގައި ޚާއްސަކޮށް މާލޭގެ އެއް އިއްޒަތްތެރި މެންބަރު ޑޮކްޓަރު ވަހީދަށް އަމާޒުކޮށް އެތައްފަހަރެއްގެ މަތީން މަރުގެ އިންޒާރުދީ ހެދުމުން އެކަމާމެދު އަޅާނެފިޔަވަޅުތައް އެކުގައި ހެން ހުސް ވުމުންނެވެ. ދެން ހަދާނެ އިތުރުގޮތެއް ނެތުނީމާ މަޖްބޫރު ވެގެންނެވެ.
މިފާޑުގެ އާދަޔާޚިލާފު ކަމެއްކުރަން ޚިޔާލަށް ގެނެވުނީ، ސިޔާސީ މީހުންނަށް ގޯނާކޮށް މާލެ ތެރެ ފަސާދަކުރާ މީހުންގެ ހަރަކާތްތައް ހެއްކާއެކު ހުށަހެޅުމުން ސަރުކާރު ތެރޭގައި އެކަންތައް ބަލައިދޭނެ އޮފީހެއްނެތި މުޅިމާލެ ތެރެ ބިރުވެރިތަނަކަށް ގެނެސް ފަސާދަތައް އާންމު ކުރި ހިސާބުންނެވެ. މީހުންގެ މުދަލާއި ކާރުތަކާއި ފިހާރަތައް ރޯކުރުން މީގެތެރޭގައި ހިމެނިފައި އެބަހުއްޓެވެ. އޯޑިޓްއޮފީހުން ވަގަށް ފައިލްތަކެއް ނެގުން ހިމެނެއެވެ.
މާލެތެރޭގެ ކަންތައް މިހާ ހިސާބަށް އިންތިހާއަށް ދިއުމުން، ކެރުމާއި ހިންމަތާއެކު އިސްލާހީ ހަރަކާތުގައި ބަޔަކު މީހުން ތިބިކަން ބޭރު ދުނިޔެއަށް ސާބިތުކޮށްދީ، އަންގައިދެވެން ހަމައެކަނި އޮތް ވަސީލަތަކީ، މިކަހަލަ އަވަސް ހަރަކާތެއް ހިންގާއި ބައެއްކަންތައް ކެރިގެން ކޮށްލައިގެންކަން އަޅުގަނޑުމެންނަށް ކަނޑައެޅި އެނގުނު ހިސާބުން، ކަޓޫރަބޮމެއް އީޖާދުކުރަން މަޖްބޫރުވީއެވެ.
މިކަންކުރީ އެއްގޮތަކަށް ވެސް ސާކް ސަމިޓްތެރޭގައި ދަރުބާރުގެ ގޮއްވާލާއި ދިވެހިރާއްޖެ ބަދުނާމު ކޮށްލުމުގެ ބޭނުމަކު ނޫނެވެ. އެފަދަ އެއްވެސް މަގްސަދެއް ނެތެވެ. އަޅުގަނޑަކީ އެސަމިޓުގެ ޓާސްކުފޯހުގައި ހިމެނި ހުރި މީހެކެވެ. ވީމައި އެއްވެސް އެކަހަލަ ވިސްނުމެއް، ފިކުރެއް ވެސް ނެތެވެ. އެއީ ސަރުކާރުންނާއި ބިންބިފޯހުން ރަށުތެރެއަށް ނެރުނު ޕްރޮޕެގެންޑާ ދޮގު ވާހަކަތަކެކެވެ. ސިޔާސީ ބޭނުމެއްގައި އުފެއްދި ހަގީގަތެއް ނެތް ބުހުތާން ދޮގު ވާހަކަތަކެކެވެ.

ދަރުބާރުގޭގައި އެންމެފަހު ވަގުތުގައި ކުއްލިއަކަށް ކުރަންޖެހުނު، ފައިނަލް ޓަޗެއްގެ ގޮތުން ޕޮލިޝް ކޮށްލުމުގެ މަސައްކަތްވެސް ހިންގީ ގޭތެރޭގައި ތިބެގެން އުފެއްދި ގެވެހިކަޓޫރަބޮން ހެދި މީހާއާއި އޭތި އުފެއްދި މީހާގެ އަމިއްލަ އަތުންނެވެ. ރައީސް އޮފީހުން ދަރުބާރުގެ ޗެކު ކުރެއްވުމަށް ފަހު، ޑޯރކްލޯޒަރު ތަކުގައި ހުރި ކުލަ ރަންކުލައިގެ ގިރިޓީދަވާދުލައި އޮފްކޮށްލަން ޖެހޭނެކަމަށް އެންގުމުން، ދަރުބާރުގޭގައި އެމަސައްކަތް ފުރިހަމަ ކުރީ ވެސް، މިކަޓޫރަބޮމުގެ މޭސްތިރިން ކަމުގައިވާ އަޅުގަނޑުގެ ކޮއްކޮ އަހުމަދު ރަޝީދު "ހަންދު" މެން ގުރޫޕުންނެވެ.
އެކަން އެހެންކުރަން ޖެހުނީ އެލިޔާއިން ދަރުބާރުގޭގެ ހުރިހާ ވަޑާމުގެ މަސައްކަތް ހިންގީ ހަންދު މެންނަށް ވާތީއެވެ. ދަރުބާރުގެ ގޮއްވާލުން ކަހަލަ ނިޔަތެއް ހަންދުމެންގެ ހިތުގައި އަށަގެންފައި އޮތްނަމަ، ދަރުބާރުގެއަށް ކޮންމެ ފަދަ އެއްޗެއްވެސް ލެވިދާނެއެވެ. އަދި ދަރުބާރުގޭގެ ބޭނުން ތާކަށް ބޭނުން އެއްޗެއް ލެވިދާނެއެވެ. އެހެނަސް އެއީ އަހުރެމެންގެ އިސްލާހީ ހަރަކާތުގެ މަގުސަދެއް ނޫނެވެ. ބޭނުމެއް ވެސް ނޫނެވެ.
އާދެ! މިކަންތައް ހިނގިއިރު އަޅުގަނޑު ގެންގޮސްފައި ހުރީ، ކުޑަގޮޅީގައި މާކުރިން ބަންދުކޮށްފައެވެ. ފަހެ، މިއީ އިސްލާހީ ހަރަކާތުގައި ޝާމިލްވި މުހައްރިކުންގެ ބޮލުގައި ސަރުކާރުން، ބިންބިފޯސް ލައްވާއެޅުވި ބޮޑުބަދުނާމެކެވެ. ހަގީގަތެއް ނެތް އަސްލެއް ނެތް ދޮގު ތުހުމަތެކެވެ. ކަޓޫރަބޮން ގޮއްވާލެވުނީ ބޭރުދުނިޔެއަށް އިސްލާހީ ހަރަކާތެއް ރާއްޖޭގައި އުފެދިފައި އޮތްކަން ފާޅުކަން ބޮޑުކޮށް ހެއްކާއެކު ދައްކާލާއި އެންގުމަށެވެ. ﷲ ގެ އިރާދަފުޅުން ރޭވުނު ގޮތަށް އެކަންތައް ތަންފީޒުވެގެން ދިޔައެވެ.
ރާއްޖޭގެ އިސްލާހީ ހަރަކާތަކީވަރަށް ކާމިޔާބު ހަރަކާތެކެވެ. ސިޔާސީ، އަދި އިޖުތިމާއީ ބޮޑެތި ބަދަލުތަކަށް ނިސްބަތްކޮށް ހިންގުނު، Reform Movement އެކެވެ. ސަރުކާރުން ފަހުގެ ދުވަސްތަކުގައި ޒުވާނުންނަށް ވަޒީރުކަން ދީގެން އިސްލާހީ ހަރަކާތުގައި ބައިވެރިވުމަށް މަޖްބޫރުވީ މިފަދަ ހަރަކާތްތައް އަޅުގަނޑުމެން ހިންގުމާގުޅިގެން ބޭރުންއައި ސިޔާސީ ޕްރެޝަރުންކަން ކޮންމެ ދިވެހި ރައްޔިތަކު އެއްބަސް ވާނެއެވެ. ރައީސްމައުމޫނަށް ދޫދެއްވަން މަޖްބޫރުވީއެވެ. ހަރު މުސްކުޅިން ދުރުކޮށް ޒުވާނުން ވަޒީރުކަމަށް ގެންނަން މަޖްބޫރުވީއެވެ.
ބިންބިފޯހުގެ ނޮހޮރުއްޕާން ބޮޑުކަމުން ކޮނޑޭ ގެ ޓްރެކްޓަރަށް ކަޓޫރަބޮންލާއި ޖެއްސުންކޮށްލުމުގެ ވާހަކަ ހަންދުމެންގެ މެދުގައި ދެކެވުނަސް އެފަދަކަމެއް ކުރެވިފައި ނެތީ، މީހެއްގެ އެއްޗަކަށް އަދި މުދަލަކަށް މިކަމުން ގެއްލުމެއް ނުވާގޮތަށް ބާރުއަޑެއް ގޮވާފައި ސިހުމަކަށް ވާގޮތަށް ގޮވާ އެއްޗެއް ޑިޒައިން ކުރުމުގެ ބޭނުމުގައެވެ.
ސަލްޓަންޕާކް މިކަމަށް ޚާއްސަކުރެވި ނިންމުނީ ވެސް އެހެން ވެގެންނެވެ. ދެވަނައެތި ލެވުނީ، ސަރުކާރުގެ މިލްކުގައި އޮތް ލޯންޗެއްގެ ހުސްތޮށިގަނޑެއްގެ ދަށަށެވެ. މިދޭތިންވެސް މީހަކަށް ނުވަތަ މީހެއްގެ އަމިއްލަ މިލްކު ދުދަލަކަށް ގެއްލުމެއް ނުވާނެއެވެ. ސަރުކާރުގެ މުދަލަށް ގެންލުންވުމަކީ އިސްލާހީ ހަރަކާތްތަކުގައި ކޮށްއުޅޭ ކަމެކެވެ. ވަރިހަމަ ކަމެކެވެ. އެމްޓީސީސީގެ ކޮއިމަލާ ލޯންޗަކީ މުޅިން ހަލާކުވެފައި އޮތް ހުސްތޮށިގަނޑެކެވެ.
އަދި މީތިގޮއްވާލެވުނީ ސާކްސަމިޓު ނިމި އިއްޒަތްތެރި މެހްމާނުންތައް އިއްޒަތާއި ޝަރަފާ އެކު ފުރާވަޑައި ގަންނަވަން ފެށުމުންނެވެ. މިކަންތައް މިހެން ކުރެވުނީ އެބޭފުޅުންނަށް ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ކުޑަމިންވަރެއްގެ އަޑެއް އަމަލީގޮތުން އިއްވާލުމަށެވެ. ކޮންމެއަކަސް މިކަންތައް ވެގެންދިޔައީ ސައްތައިން ސައްތަ ކާމިޔާބު ހަރަކާތަކަށެވެ. ސިޔާސީބަސްނޭހުމުގެ އަމަލަކަށެވެ. ހެސްކިޔާފަ ބޭރުދުނިޔެއިން ތަރްހީބު ލިބުނު ކަމަކަށެވެ. ސިޔާސީވައިގާ ހިފި ކަމަކަށެވެ.
މިކަހަލަ ހަރަކާތެއް ގިނަ ޒުވާނުންތަކެއް ބައިވެރިވެގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ހިންގާލަ ދިނުމަށް ފުރަތަކަ ފަހަރަށް ވިސްނާއި ފިކުރަށް ގެންނާން ބުނެދިނީ އިންޑިއާ އެމްބަސީގައި އޭރު ހުރި އިންޑިއާ އޮފިސަރެކެވެ. އަޅުގަނޑު ޖަލުގައި ހުރެފައި، 45 ދުވަސް ހަމަވާތީ އެއްބަންދުން އަނެއްބަންދަށް ބަދަލުކުރުމަށް ގެއަށް ގެނެވުނު ފަހަރެއްގައި ގޭގައި ހުއްޓައި ރޭގަނޑެއްގައި ގޭގައި ހުރި ފިހާރަ ތެރެއަށް އިންޑިއާގެ އެމީހާ ވަދެ އަޅުގަނޑައި ސިއްރުން ބައްދަލުކޮށް އެފަދަ އިސްލާހީހަރަކާތެއް ސިޔާސީހަރަކާތަކަށް ބެލެވޭނީ، ގިނަ ޒުވާނުން ބައިވެރިވެގެން ނުކުމެ ހަރަކާތްތެރިވާ އަމަލަކުންކަން ބުނެދީގެންނެވެ.
އަދި ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ސިޔާސީކަމަކުން މެނުވީ، ބައިނަލްއަގުވާމީ ފެންވަރުގައި އިސްލާހީ ހަރަކާތެއް ކަމުގައި ބަލައިނުގަންނާނެ ވާހަކަ އޭނާ ތަފްސީލުކޮށް ބުނެދިނުމުންނެވެ. އެކަކު ދެމީހަކު ފަރުދީގޮތުން ކުރާކަމަކީ ސިޔާސީ ހަރަކާތަކަށް ނުބެލެވޭނެއެވެ. ސިޔާސީ މުހައްރިކުން ގޮތުގައި އެއްޚިޔާލެއްގެ ޖަމާއަތެއް އެކުލަވާލާށެވެ.
އެދުވަސް ވަރު އަހުރެން ވަނީ އެމީހުންގެ އަމާޒުފަތްގަނޑަށް ސިޔާސީމީހެއްގެ ގޮތުގައި އަރާފައެވެ. އޭނާ އެކަން ކުރީ އަޅުގަނޑުމެން ހިންގާ ބައިސްކަލް ގަރާޖުގައި މަސައްކަތްކުރާ މެކެނިކެއްގެ އެހީގައެވެ. މިވާހަކަ ވާނީ ކުރިން އެހެން ހިސާބެއްގައި ތަފުސީލު ކުރެވިފައެވެ. އަޅުގަނޑަކީ ފާޅުގައި ގިނަމީހުންނާ އެކު ސިޔާސީ މަޝްވަރާކޮށް ހަދާ މީހަކަށް ވާތީ އޭރު މާލޭގައި ތިއްބެވި ސަފީރުންނާއި ލަންކާގައި ތިއްބަވާ ސަފީރުންނާ ގުޅުން އޮވެއެވެ. ގިނައިން ދައުވަތުދީގެން ގެންގޮސް ކާންދީ ހަދަނީ އެފަރާތް ތަކުންނެވެ.
އެމެރިކާއިން އެންމެ ފުރަތަމަ ސިޔާސީ ހިމާޔަތްދިން ދިވެއްސަކީ، މިހަރަކާތުގައި ބައިވެރިވި ޖަވާހިތުވާދީ އިސްމާޢީލް ރަޝީދު (އިއްސޭ) އެވެ. މިކަމުގައި ހަރަކާތްތެރިވި މީހުންތައް ބަންދު ކުރަން ފެށުމުން މީނާ އެމެރިކާއަށް ފުރައިގެން ދިޔައިއެވެ. އުޅެއުޅެވެސް ސިފައިންނަށް މީނާ، އެމެރިކާއިން ގެނެވޭ ގޮތެއް ނުވީއެވެ. އެކަމާ ސިފައިން މަސައްކަތް ވެސް ކުރިއެވެ. މިކަމުން ވެސް މިހަރަކާތަކީ ބައިނަލްއަގުވާމީ ދުނިޔެ ގަބޫލުކުރާ އިސްލާހީ ހަރަކާތެއްކަން ސާބިތުވެގެން ދިޔައެވެ.
ބޭރުދުނިޔެއިން އަޅުގަނޑުމެން ހިންގި މިފަދަ، ސިޔާސީ ހަރަކާތްތައް ބަލައިގަތީ، ބައިނަލް އަގްވާމީ ފެންވަރުގެ އިސްލާހީ ހަރަކާތެއްގެ ގޮތުގައެވެ. ކާމިޔާބު އިސްލާހީކަމެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް މިކަންތައް ތަންފީޒުކޮށް ލެވުމުން، ބޭރުދުނިޔޭގެ ސަމާލުކަން ހޯދަންޖެހޭ މިންވަރަށްވުރެ ބޮޑުކޮށް، ބައިނަލްއަގްވާމީ މުޖްތަމައު ތަކުން ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތަށް ތަރުހީބާއި މަރްހަބާ ކިޔުންތައް އޮހެމުން ދިޔައެވެ.
މިކަންކަމުން ރޫހާނީގޮތުންނާއި މާއްދީގޮތުން ހިތްވަރު ލިބުނެވެ. އެކަން ސާބިތު ކުރެވެނީ އެފަރާތްތަކުން ނެރެފައި ހުރި ލިޔުންތަކާއި ރިޕޯޓުތަކުންނެވެ. އޭރުގެ ސަރުކާރާ ކުރަމުން ގެންދިޔަ ސުވާލުތަކުންނެވެ. އަދި އަޅުގަނޑުމެންނާ ކުރި ބައްދަލުވުން ތަކުންނެވެ.
ސަރުކާރުން ބިންބިފޯސް މެދުވެރިކޮށް އަޅުގަނޑު މެންގެ ބޮލުގައި އެޅުވުމަށްކުރި އެއްވެސް ކަމެއް، ﷲ ގެ އިރާދަފުޅުން ކާމިޔާބެއް ނުވިއެވެ. ބޭރުދުނިޔޭގެ ކުރިމަތީގައި ކުރިޔަށް ދިޔައީ އިސްލާހީ ހަރަކާތުގެ އަމާޒުތަކެވެ. ބައިނަލްއަގުވާމީ މުޖްތަމައިން ދިވެހިރާއްޖޭގެ އިސްލާހީ ހަރަކާތް އެންމެ ފުރިހަމައަށް ބަލައިގަތެވެ. މަރްހަބާތައް ލިބުނެވެ.
މިހުރިހާ ހަގީގަތްތަކެއްގެ މައްޗަށްބުރަވެ ހުރެ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، ހެންވޭރުކޮޅު ހިއްކިތާގައި ގޮއްވާލި ގެވެހިކަޓޫރަބޮމާއި ސަލްޓަންޕާކްގައި ގޮއްވާލި ގެވެހިކަޓޫރަބޮމަކީ، ސާކްސަމިޓް ހިނގަމުން ދަނިކޮށް ދަރުބާރުގެ ގޮއްވާލަން ހިންގި ކަމެކޭ ކިޔައިގެން މިދައްކާ އެއްވެސް ވާހަކައާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމަށެވެ. ސަރުކާރުން އުފެއްދި ހުދުދޮގެކެވެ. ސަރުކާރު އިސްވެ އޮވެ އުފުލި ދޮގު ތުހުމަތެކެވެ.
ފަހަތުގައި ސިޔާސީ މަގްސަދުތަކެއް އޮވެ އެކަން ހާސިލުކުރުމަށް އުފެއްދި ސިޔާސީ ބޮޑުބުހުތާން ތަކެއް ކަމަށެވެ. ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ދެއްކި ދޮގު ވާހަކަ ތަކެއްކަން ކަށަވަރެވެ. މި ހާދިސާ އާ ގުޅިގެން ބަންދުކުރެވުނު ހުރިހާ ފަރާތްތަކަކީ، ދިވެހި ގައުމުގެ ކުރިމަގު ތަހުޒީބުކޮށް، ޒަމާނީ ޑިމޮކްރެސީ އާއި ފުރިހަމަ މިނިވަންކަން ދިވެހިރާއްޖެއަށް ގެނެސްދިނުމަށް، މަގުފަހިކޮށް ދިނުމުގައި ގަދައަޅާއި ހިންމަތާއެކު ބިރެއްނެތި މަސައްކަތް ކުރި މިޖާހިދުންކަމާ މެދު އެއްވެސް ކަހަލަ ޝައްކެއް ނެތެވެ. އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ތެރެއިން މިބުރުގައި ބަންދުކުރެވުނު މީހުންގެ ނަންތަކަކީ މިއެވެ.
1- މުހަންމަދު ނަޝީދު (އަންނި) ގ.ކެނެރީގެ މާލެއެވެ. 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށްލުމަށް ދެހުކުމެއް މިބުރުގައި އިއްވުނެވެ. އަދިވެސްހުރީ ގާމާދު ޖަލުގައެވެ.
2- އިލްޔާސް ހުސައިން އިބްރާހީމް (ޖަވާހިރުވާދީ އިލްޔާސް) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށް ލުމަށާއި މަންތިރިއާއި އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލާގުޅިގެން މިއިން ކޮންމެ ކަމަކަށް، 6 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވުނެވެ. މިކަމުގެ ތަފްސީލުތައް މިލިޔުންތަކުގައި ހުންނާނެއެވެ. މިވަގުތު ހުރީ ގާމާދޫ ޖަލުގައެވެ.
3- މުހަންމަދު ޝަފީގު (ސައްޕެ) 11 އަހަރަށް ޖަލަށް ލުމަށް ހުކުމްއިއްވުނެވެ. 2 ނޮވެންބަރ 1992 ގައި ގެއަށް ބަދަކުކުރި ގޮތަށް އަދިވެސް ހުރީ ގޭބަންދުގައެވެ.
4- އަހްމަދު ރަޝީދު ހުސައިން (ހަންދު) މ.ޖަވާހިރުވާދީ މާލެއެވެ. 15 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި، އިތުރު އެއްއަހަރު ދުވަސް ޖަލަށް ލުމަށް ހުކުމް އިއްވިފައި ވެއެވެ. އަދިވެސްހުރީ ޖަލުގައެވެ.
5- އިބްރާހީމް ރަޝީދު ހުސައިން (އިބުރޭ) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި އެއްއަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވެއެވެ. ގެއަށް ބަދަލުކުރީ ސެޕްޓެންބަރ 1992 ގައެވެ. އަދިވެސް ހުރީ ގޭބަންދުގައެވެ.
6- އަލީ ރަޝީދު ހުސައިން މ.ޖަވާހިރުވާދީ މާލެއެވެ. ހުކުމްކުރީ، 3 އަހަރު ދުވަހަށް އަރުވާލުމަށެވެ. އަރުވާލެއްވުމުގެ ހުކުމުން މިހާރު ހުރީ ގޭބަންދަށް ބަދަލުވެފައެވެ.
7- މުހަންމަދު ރަޝީދު ހުސައިން (ބިގޭ) މ.ޖަވާހިރުވާދީ މާލެއެެވެ. ހުކުމް އިއްވީ، 15 އަހަރު ދުވަހަށް ޖަލަށްލުމަށެވެ. އަދިވެސް ހުރީ ޖަލުގައެވެ.
8- އަބްދު ﷲ ހުސައިން ގއ.ދާންދޫ އެވެ. ހުކުމް އިއްވީ، 6 އަހަރަށް ޖަލަށްލުމަށެވެ. އަދިވެސް ހުރީ ޖަލުގައެވެ. މިކަންތައް ހިނގިއިރު މީނާ ދިރިއުޅެމުން ގެންދަނީ މާފަންނު ޖަވާހިރުވާދީ ގައެވެ.
9- އަބްދު ﷲ ސަލީމް މއ.ޓުވައިލައިޓް މާލެއެވެ. ހުކުމްއިއްވީ، 15 އަހަރަށް ޖަލަށެވެ. އަދިވެސް ހުރީ ޖަލުގައެވެ. މީނާ އަކީ ހަންދުއާއެކު އެލިޔާގައި މަސައްކަތްކުރި ވަރަށް މޮޅުއިންޖިނޭރެކެވެ. ގެވެހިކަޓޫރަބޮން އީޖާދުކުރީ މީނާގެ ވިސްނުމުންނެވެ.
10- މުހަންމަދު އަބްދުއްރައްޒާގް އެވެ. މީނާއަށް ހުކުމް އިއްވީ، 13 އަހަރަށް ޖަލަށެވެ. 2 ސެޕްޓެންބަރ 1992 ގައި ގެއަށް ބަދަލުކޮށް މިހާރު ހުރީ ގޭބަންދުގައެވެ. މީނާ އަކީ އެލިޔާގައި މަސައްކަތްކުރި މުވައްޒަފެކެވެ.
11- ރަޣީބުއަލީ ތ.ގާދީއްފުށި އެވެ. ހުކުމް އިއްވީ، 10 އަހަރަދުވަހަށް ޖަލަށެވެ. މިހާރު ހުރީ ޖަލަކުނޫނެވެ. ގޭބަންދަށް ބަދަލު ކުރައްވާފައެވެ. މީނާއަކީ އެލިޔާގެ މުވައްޒަފެކެވެ.
12- އަޒްމީލް މީނާއަކީ އައްޑުއަތުޅު ސ.ހިތަދޫ ބުގޭޖަލީލުގެ ދަރިފުޅެކެވެ. ހުކުމް ކުރީ، 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށް ލުމަށެވެ. މިހާރު ހުރީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. މީނާ އަކީ، ޖަވާހިރު އައްސޭރީގައި ކުއްޔަށް ދިރިއުޅެމުން ގެންދިޔަ ޖުވާނެކެވެ.
13- އިބްރާހީމް ނަސީމް (ކިޔޮޅު) އެވެ. މީނާއަށް ހުކުމް އިއްވުނީ، 13 އަހަރަށް ޖަލަށް ލުމަށެވެ. މީނާ އަކީ އެދުވަސްވަރު ފިޝަރީޒްގައި ގެންގުޅުނު "ފަރުމަސް" ދޯނީގެ ކިޔޮޅެވެ. ބިގޭގެ ބެލުމުގެދަށުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. މީނާ އަކީ ވަރަށް ބިރުކުޑަ ކެރޭމީހެކެވެ. ދަންޑަހެލު ވައްތަރު މީހެކެވެ. އަދި މިހަރަކާތުގެ ދަންޑަހެލެވެ.
ދެވަނަ ގެވެހިކަޓޫރަބޮން ތަނެއްގައި ބޭއްވުމަށް، އިންދުމަށް އަމަލީގޮތުން ހަރަކާތްތެރި ވެލެއްވި ކިޔޮޅު އެވެ. އަދިވެސް ހުރީ ގާމާދޫ ޖަލުގައެވެ. މީނާ މިކަން ކުރުމަށް ރައީސްއޮފީސް ކުރިމަތިވާ ކަހަލަ ގޮތަކަށް ފަޅުތެރޭގައި އަޅާފައި އޮތް ކޯސްޓުގާޑު ލޯންޗަކަށް އަރާއި އެކަން ކުރެވޭތޯ ބެއްޔެވެ. އެހެނަސް އޭލޯންޗު ތެރޭގައި ގެވެހިބޮން ނުއިންދައި އަނބުރާލާފައި ފޭބީ އޭގެތެރޭގައި މީހަކު ނިދާފައި އޮތުމުންނެވެ. އޭނާއަށް ގެއްލުމެއް ވެދާނެތީއެވެ.
14- ކެޕްޓަން އަބްދު ﷲ މުއާޒު މީނާ އަކީ ކަނޑުދަތުރު ކުރާ ތިޖާރަތީ އާގުބޯޓެއްގެ ކެޕްޓަނެކެވެ. މީނާއަށް އިއްވި ހުކުމަކީ، 5 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. މިހާރު ހުރީ ގޭބަންދަށް ބަދަލުކޮށް ފައެވެ. މިއީ ބޮޑުސައްޕެގެ ގާތް ފްރެންޑެކެވެ.
15- އިލްޔާސް އަބްދު ﷲ މ.އޮމަދޫ މާލެއެވެ. ހުކުމް އިއްވީ، 5 އަހަރަށް އަރުވާލުމަށެވެ. ގެއަށް ބަދަލު ކުރެއްވީ، 10 ނޮވެންބަރ 1992 ގައެވެ. އަދިވެސް ހުންނެވީ ގޭބަންދުގައެވެ. މީނާ އަކީ އެލިޔާކުންފުނީގެ ހިއްސާދާރެކެވެ.
16- މަސްއޫދުއާލަމް މ.ލަކްސްލީން މާލެއެވެ. ހުކުމް އިއްވީ، 4 އަހަރު ދުވަހަށް އަރުވާލުމަށެވެ. މަސްއޫދަށް ހުކުމް އިއްވީ، 15 އޮކްޓޯބަރ 1992 ގައެވެ. މިހާރު ވަނީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. މިއީ އޭރުއްސުރެ ސިޔާސީފިކުރު ގެންގުޅުއްވާ ހަރަކާތްތެރި ބޭފުޅެކެވެ.
17- މުހަންމަދު ޚަލީލް (މައްކޮ) ގ.އުތުރުގެ މާލެއެވެ. ހުކުމް އިއްވީ، 4 އަހަރު ދުވަހަށް އަރުވާލުމަށެވެ. ހުކުމް އިއްވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިހާރު ހުންނެވީ ގޭބަންދުގައެވެ. މިއީ ވިސްނުންތޫނު ޑިޕްލޮމެޓިކް ރޮންގުން ހުޝިޔާރު އަދި އަރާހުންނެވި އިދާރީ ބޭފުޅެކެވެ. އަޅުގަނޑާ އޮންނަ ގުޅުމެއްގެ ސަބަބުން، މީގެތެރެއަށް ސިފައިން ގަދަކަމުން ވެއްދި ބޭފުޅެކެވެ. އަމަލީ އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއް ނޫނެވެ.
18- އަލީވަހީދު ހަސަން މަނިކު މއ.ސިލްވަރސީން މާލެއެވެ. ހުކުމްއިއްވީ 3 އަހަރަށް އަރުވާލުމަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ ރާއްޖޭގެ މީޑިޔާގައި ތަޖްރިބާތަކެއް ހޯއްދަވާފައިވާ، އިލެކްޓްރޯނިކް މީޑިޔާގައި މުހިންމު ދައުރެއް އަދާކުރެއްވި ސިޔާސީ ފިކުރެއް ގެންގުޅުއްވި ބޭފުޅެކެވެ.
19- ނައުޝާދުވަހީދު ހަސަން މއ.ސިލްވަރސީން މާލެއެވެ. ހުކުމް ކުރީ، 3 އަހަރަށް ޖަލަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ އެންމެނާ ގުޅުން ބާއްވާ ޑިޕްލޮމެޓިކް ސިޔާސަތެއްގެ ބޭފުޅެކެވެ.
20- އަބްދުލްމުޢީދު މ.ކުރަނގި މާލެއެވެ. ހުކުމް އިއްވީ، 5 އަހަރަށް ޖަލަށެވެ. މިހާރު ހުރީ ގެއަށް ބަދަލު ކޮށްފައެވެ. މިއީ ރާއްޖޭގެ ފެންވަރުގައި މޮޅު އިންޖިނޭރެކެވެ. ލޭތުމަސައްކަތަށް މޮޅު ކުޅަދާނަ، ސިޔާސީ ފިކުރުގެ ބޭފުޅެކެވެ. އިންޖިނޭރު އަހްމަދު އާދަމްގެ ދަރިވަރެކެވެ.
21- އަބްދުލް ހަންނާނު އަބޫބަކުރު މިއީ ހެރިންސް ހަންނާނެވެ. ހުކުމް ކުރީ، 3 އަހަރަށް ޖަލަށް ލުމަށެވެ. މިނިވަންކޮށް ދޫކޮށްލީ، 2 ނޮވެންބަރ 1992 ގައެވެ. މިއީ އަމިއްލަ ހުނަރުތަކެއްގެ އަހުލުވެރި، ފަންނާނެކެވެ. ވަކިހަމަތަކެއް ގެންގުޅޭ ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.
22- މުހަންމަދު ޝަރީފް (ވިންޓަރު) އެވެ. 3 އަހަރަށް ޖަލަށް، އަދި އެއް އަހަރަށް އަރުވާލަން ހުކުމް ކުރެއްވިއެވެ. އެމައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެއްއަހަރުގެ އަރުވާލުން، 6 މަހަށް ބަދަލުވިއެވެ. މިހާރު ހުރީ ގޭބަންދުގައެވެ. މިއީ އޭނާގެ ފެންވަރުގައި މޮޅު މެކެނިކު އިންޖިނޭރެކެވެ. އަމިއްލައަށް ވެލްޑިންމެޝިނެއްގެ ކޮއިލް ބޭނުންކޮށް ގެން ޑިޝްއެންޓަނަރ އެއް އުފެއްދެވުމުގެ ކާމިޔާބު މަސައްކަތްތަކެއް ހިންގެވި، ދީނީ ފިކުރުގެ ބޭފުޅެކެވެ.
23- ސައުދު ﷲ ޖަމީލް (ބޮންޑު) އެވެ. މީނާ އަކީ ޒަކަރިއްޔާ ޖަމީލުގެ ދަރިފުޅެކެވެ. ހުކުމް ނީއްވިގެން ކޯޓުން ދޫކޮށްލީ، 1993 ވަނައަހަރުގެ މާޗް މަހު ތެރޭގައެވެ. މިހާރު ހުރީ ގޭބަންދުގައެވެ. މީނާއަކީ މިމައްސަލާގައި ހުކުމް ނީއްވާ ބަންދުގައި ބެހެއްޓި މީހެކެވެ. މިއީ ވިސްނުންތޫނު ގާބިލް ޖުވާނެކެވެ. ސިޔާސީކަންކަމަށް ޝައުގުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ.
24- ނިޒާރު (އެލިޔާގައި ހަންދުއާއެކު މަސައްކަތްކުރި ބޭފުޅެއް) މީނާ އަކީ ވެސް ހުކުމް ނީއްވާ ބަންދުގައި ބަހައްޓަބަހައްޓާފައި ދޫކޮށްލިމީހެކެވެ. މީނާގެ މައްސަލަ ދޫކޮށްލީ، 3 ޖޫން 1992 ގައެވެ. އެހެނަސް ހެއްވާ ކަމަކީ، ދިގު ބަންދެއްގައި ގެންގުޅުނު ކަމެވެ. މި ދެބޭފުޅުންނަށް ހުކުމް ނީއްވުނީ ސިފައިންނެގި ބަޔާންއޮތް ގޮތުންނެވެ. ގާޒީއަށް ދައުވާ ކުރި އަސްލު މައްސަލަ ސާބިތުކުރެވޭ ގޮތް ނުވީއެވެ. ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލާގައި ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ތިބެ ހުކުމް އިއްވުނު މީހުންނަކީ މިދެންނެވި މީހުންނެވެ.
މި މީހުންގެ ބައިވެރިވުން ރާއްޖޭގެ އިސްލާހީ ހަރަކާތަށް އަމަލީގޮތުން ލިބުނެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތް ބޭރުދުނިޔެއަށް ފެތުރި ފާޅު ވެގެން ދިޔައީ މި ހަރަކާތުގެ ސަބަބުންނެވެ. މިއީ އޮޅުވާ ނުލެވޭނެ ހަގީގަތެކެވެ. ދިވެހިތާރީޚުގެ ޞައްޙަ ސޮފުހާތަކެވެ. އަދި ދަރުމަ އާއި ސަވާބު ހުރި ޖިހާދެކެވެ. ޖުމްލަ، 24 މީހުންގެ މައްސަލަ، ސިފައިން މެދުވެހިކޮށް ބަންޑާރަނައިބު އޮފީހަށް ފޮނުވައިގެން ޝަރުޢީކޯޓަށް ހުށަހެޅިއެވެ.
މީގެތެރެއިން، ހުކުމްނީއްވާ ދޫކޮށްލީ، އެންމެ ދެމިހުން އެކަންޏެވެ. މި ދެމީހުން ވެސް، 1993 ވަނަ އަހަރާހަމައަށް ބަންދުގައި ބޭތިއްބިއެވެ.
ސަލްޓަންޕާކްގައި ގޮއްވާލި ގެވެހިކަޓޫރަބޮމުގެ ހާދިސާއާގުޅިގެން، 250 އަށް ވުރެގިނަ މީހުން ދޫނިދޫއަށް ގެންގޮސް ކުޑަގޮޅިތަކުގައި ބަންދުކުރިއެވެ. މީގެތެރެއިން އެތައްބައެއްގެ ސިކުނޑިއަށް ޚަލަލް އައިސްފައި ވެއެވެ. ބޮޑުކޮށް ބޯގޯސްވި މީހުން، އެބަތިއްބެވެ. މޮޔަވި މީހުން އެބަތިއްބެވެ. މިއީ ސިފައިން ވަރަށް ބިރުވެރިކޮށް، ވަޙުޝީކޮށް ހިންގި ވަރުގަދަ ތަހުގީގެކެވެ. ވަރަށް އަނިޔާވެރިކޮށް ހިންގި ތަހުގީގެކެވެ.
އިންސާނިއްޔަތައި ޚިލާފު ވަޙްޝީ އަނިޔާތަކެއް ދިން ތަހްގީގެކެވެ. 3 ނޮވެންބަރ 1988 ގައި އިންޑިޔާ ސިފައިންގެ ފަރާތުން ލިބުނު ތަޖްރިބާތަކުގެ މައްޗަށް ބިނާކޮށް ވަރަށް ރާވައިގެން ތަޖްރިބާ ހޯދުމުގެގޮތުން ހިންގި އަސްކަރީތަމްރީން ތަކަކޭވެސް ބުނެވިދާނެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެކަންތައް ސާފުވެ އޮޅުން ފިލާނެއެވެ. ބަންދުކުރެވުނު މީހުންނައި ހުކުމް އިއްވުނު މީހުންގެ ވާހަކަ މިހާތަނުން މި ނިމުނީއެވެ.
1 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 740 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއި މޫދަށް ނެރުނެވެ.
1990 ވަނަ އަހަރު މާލެތެރޭގައި އުފެދުނު، ބިންބިފޯހުގެ ސިއްރުރޭވުމެއްގެ ވާހަކަ:
މިއަދު ހަވީރުގެ ވަގުތެއްގައި މިވާހަކަ އަޅުގަނޑަށް އަކުރުންއަކުރަށް ކިޔައިދިނީ، އިބްރާހީމް ވިސާމް، މާކޮޅު މާލެ އެވެ. ވިސާމަށް ވަނަމަކަށް އަޅުގަނޑުމެން ކިޔަނީ އޭނަ އަމިއްލައަށް އޭނައަށް ކިޔާ އުޅޭނަމެވެ. އެއީ “ޖަނާބު” އެވެ. ހީވާގޮތުގައި މީނާޖަނާބު ކިޔަންފެށީ ބާބުލްއަވާލީ ޝައިޚަށް ބޮޑުޖަނާބު ކިޔާތީހެންނެވެ. ވިސާމުގެ ބައްޕައަކީ ބޮޑުޖަނާބުގެ ދަރިވަރެކެވެ.
އަދި އޭނާއަކީ، ބޮޑުޖަނާބުގެ ދުވަސްވަރު، މއ.ބާބުލްޢަވާލީ އަށް ބޮޑުޖަނާބުގެ ދަރުސްތައް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ވިސާމު ވެސް ޖަލުގައި އުޅުނީ ދީންވެރިކޮށެވެ. ގަވާއިދުން ނަމާދުކޮށް އުޅެއެވެ. އަދި އަޅުގަނޑުމެން ކައިރިން ބަރާބަރަށް ކިޔަވާހަދައެވެ. ވަރަށްގިނަ އެއްޗެހި އޮޅުންފިލުވާ ހަދައެވެ. މިހާ ހިސާބުން އަޅުގަނޑު މިލިޔަނީ ޖަނާބު އަޅުގަނޑަށް ކިޔައިދިން ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކައެކެވެ.
ދިވެހިތާރީޚަށްޓަކާ ކޮންމެހެން ވެސް ލިޔެލާން ޖެހޭ ވާހަކައެކެވެ. މީގެ ކުރިންވެސް މިވާހަކަ، ޖަނާބު ދައްކާހައްދަވައެވެ. އަދި ތަހުގީގު ތެރޭގައި މި ވާހަކަތައް ވަނީ ދެކެވިފައެވެ. މިއަދު ތަންކޮޅެއް ތަފްސީލުކޮށް ކިޔައި ދިނީއެވެ. އަންނިއަށް ވެސް ކިޔައިދިނެވެ. އަދި ހަމަ މިފަދައިން މުހަންމަދު ނާސިރު، މީނާޒު ބ.އޭދަފުށި ވެސްވަނީ، އެތައް ފަހަރަކު މި ވާހަކަތައް އަޅުގަނޑަށާއި އަންނިއަށާއި ސައްޕެއަށް ކިޔައި ދެއްވާފައެވެ. މިއީ ސިފައިންނާ ހަމައަށް ތަހުގީގުގައި ގޮސްފައިވާ، އަދި ތަހުގީގުތެރޭގައި ސުވާލުކުރެވި ފައިވާ ވާހަކަތަކެވެ. އެހެނަސް ތަހުގީގުން އުނި ކުރެވިފައިވާ ބައެކެވެ. ދައުލަތުގެ ސިއްރަށް ވާތީއެވެ.
އާދެ! ނާސިރު ދޫނިދޫ ކުޑަގޮޅީގައި ހުރި ދުވަސްވަރު، މާލެ ގެންދިޔަ ދުވަހެއްގައި ފިލައިގެން ޖެހުނު މައްސަލަ ގަނޑެއްގައި ގާމާދޫޖަލަށް ގެންދިއުމުން އެތާނގައި ބަންދުކޮށްފައި ނާސިރު ބެހެއްޓި ގޮޅިއަށް ބިންބިފޯހުގެ އިސްބޭފުޅެއް ކަމުގައިވާ، ވާދޫ އަހަންމައިދީ، ނާސިރު ހުންނެވި ގޮޅިއަށް ރޭވުމެއްގެ ދަށުން ގެންދެވުނެވެ. ބުނެވޭ ގޮތުގައި މިއަހަންމައިދީ ގާމާދޫއަށް ގެންދެވުނީ ކެމެރާއެއްގެ މައްސަލާގައެވެ.
މީނާ އަކީ ފިނިހިޔާ ޓިއުޝަން ކްލާސް އަދި “ޝަހީދު” ހިންގެވި އެތާގެބޮޑު މީހާއެވެ. ކެމެރާއެއްގެ ބަހަނާގައި މީނާ ގާމާދޫ ޖަލަށް، ނާސިރު ހުރިގޮޅިއަށް ގެނެސްދިނުމުގައި ހަރަކާތްތެރި ވެފައިވަނީ، އޭރު ސިފައިންގެ ވެރިއަކަށް ހުންނެވި އާދަމް ޒާހިރާއި ކާށިދޫ ހުސައިން އިބްރާހީމް ފުޅެވެ. މިއީ ރައީސް މައުމޫނުގެ ޕާޓުޓައިމް ދެ އޭޖެންޓުންނެވެ. ދީދީ ގެނެސް ނާސިރު އޮތްގޮޅިއަށް ލުމުން، މި ދީދީގެ މަސައްކަތް ފެއްޓެވީ ވަރަށް ސީރިއަސް ކޮށެވެ.
ދީދީއާ ހަވާލު ކުރެވިފައިވާ މަސައްކަތް ކެތްތެރިކަމާއި ހިކްމަތާއެކު ދީދީ ފެއްޓެވިއެވެ. ފުރަތަމަ ދެދުވަހެއްގެ ތެރޭގައި ވަރަށް ރަނގަޅަށް ނާސިރައި ރަށްޓެހި ވެއްޖެއެވެ. ދީދީގެ މަސައްކަތަކަށްވީ ނާސިރުއާ ރަނގަޅަށް ގުޅާލުމަށް ފަހު، ރޭވިފައިވާ ރޭވުންތައް ނާސިރަށް ކިޔައިދީ، ވަރުގަދަ ރޭވުން ގަނޑެއް، "ސިއްރުޕުލޭނެއް" ރާވާލަ ދިނުމެވެ. ނާސިރުގެ ބޮލަށް ދީދި އެރިގެން ރޭވި ރޭވުންގަނޑަކީ، 1990 ވަނަ އަހަރު މާލެ ތެރޭގައި ހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ޑޮކްޓަރ ވަހީދު އައި ގުޅުވާލުމުގެ ރޭވުންތަކެވެ.
ޑޮކްޓަރ ވަހީދުގެ ބޮލުގައި މިކަންތައްގަނޑު އެޅުވުމެވެ. ނާސިރަށް ޖަވާހިރުވާދީގެ ދެކުނުފަރާތުގެ ފެންޑާހުންނަ ގޮތާއި ފެންޑާގައި ގޮނޑިތަކާއި ސަރަންފީތަކާއި އަޅުގަނޑު އޮށޯންނަ ބޮޑުސަރަންފީ ގޮނޑި ހުންނަތަނާއި އުނދޯލި ހުންނަތަން ރަނގަޅަށް ކިޔައިދީ، ދަސްކޮށްދީ ހެދުމަށް ފަހު، ޑޮކްޓަރ ވަހީދަކީ، ވަރަށް ގިނައިން މަގުމަތިން އެކި ޖަލްސާތައް ނިންމާފައި އިސްލާމީ މަރުކަޒުންނާއި އޮފީހުންނާއި އެކިތަންތަނަށް ގޮސްއައިސް ވާއިރު، ފެނިދެނިވާ މީހެއްކަމާއި މިހެންފެންނަ ފަހަރުފަހަރުގައި ނިތްއަރުވާލާ ހައްދަވާ ބޭފުޅެއް ގޮތުގައި ނާސިރަށް ބުނެދިނެވެ.

ފަހުންފަހަށް އައިސް ސަލާމްކޮށްލާއި ހަދާއުޅޭމީހެއް ކަމާއި މިގޮތުގެމަތިން ފެނިފެނިރައްޓެހި ވުމަށް ފަހު އެއްދުވަހަކު ޑޮކްޓަރ ވަހީދުއައި ވާހަކަ ދައްކާލުމުން ގެއަށްޖައްސާލުމަށް ޑޮކްޓަރު ވަހީދު ވިދާޅުވުމުން، ނާސިރު ޖަވާހިރުވާދީއަށް ގޮސް، ޑޮކްޓަރ ވަހީދުއައި ވާހަކަ ދައްކާއި ހެދީކަމަށް ބުނެދިނެވެ. މިގޮތުގެ މަތިން ނާސިރު ވަހީދުއައި ރައްޓެހިވީ ކަމަށް ހެދުމަށް ނާސިރަށް ހުތްލައި ދީ ވަސްވާސްލައި ދިނެވެ.
ވަހީދުއައި ގުޅުން އޮންނަކަން ސާބިތުކޮށް ދިނުމަށް ދީދީ، ނާސިރަށް ރާވާދީފައި ވަނީ މިގޮތަށެވެ. މިގޮތަށް ރާވާލައިގެން ތަހުގީގަށް ބުނެދިނުމަށެވެ. ޑޮކްޓަރ ވަހީދުއައި އެކު ގުޅުން އުފެދުނު ގޮތަކީ، މިއީ ކަމުގައި ނާސިރަށް ކިޔައި ދީ، ނާސިރު މިކަން ގަބޫލުކުރުމުން، ނާސިރަށް ހުތްލައި ދިނީ، ނާސިރުމެން މާލެތެރެގައި އަލިފާން ރޯކުރިތަންތަން ރޯކޮށް ހުޅުޖަހާ ހެދީ މިބައްދަލުވުން ތަކުގައި، ޖަވާހިރުވާދީގައި އިންނަވައިގެން ޑޮކްޓަރު ވަހީދު ވިދާޅުވުމުން ކަމަށް ހަދާށެވެ.
ވިސާމު އާއި ނާސިރުމެން ކުރި ކަންތަކަކީ ޑޮކްޓަރވަހީދު ވިދާޅުވެގެން މާލެތެރޭގައި ހިންގި ކަންތައް ކަމަށެވެ. ދީދީގެ މިރޭވުންގަނޑު ވަނީ، ނާސިރަށް ކިޔައި ދީ އެއްބަސް ކުރުވާފައެވެ. ނާސިރަށް ބުނެދީފައި ވަނީ، ސިފައިން ސުވާލުކުރުމުން މިވާހަކަ މިގޮތަށް ސިފައިންނަށް ކިޔައި ދިނުމަށެވެ. އަދި ނާސިރުމެން މާލެތެރޭގައި ކުރިކަންތަކަކީ، ޑޮކްޓަރު ވަހީދު ވިދާޅުވެގެން ކުރިކަމެއްކަމަށް ނާސިރު ވަނީ، ފުލުހުންނަށް ބަޔާން ދޭނެކަމަށް ދީދީކައިރީގައި އެއްބަސްވެ، މުޅިން ނިންމާފައެވެ.
ދެވަނަމީހެއްގެ ހެކިހޯދާނެ ގޮތެއްކަމަށް ދީދީ، ނާސިރަށް ބުނެދީފައި އޮތީ މާލެއަށް ކޯޓަށް ގެންދާ ދުވަސްދުވަހު ޖަނާބު ވިސާމް އައި ދިމާވުމުން މިވާހަކަތައް ޖަނާބަށް ކިޔައި ދީ، ޖަނާބައި ސިފައިން ސުވާލުކޮށްފިއްޔާ ޖަނާބު ވެސް، މިބީދައިން ސިފައިންނަށް ބަޔާނެއް ދިނުމަށް އެއްބަސް ކުރުވުމަށެވެ. ޖަނާބު މިކަމަށް އެއްބަސް ކުރުވުމުގެ މަސައްކަތް ދީދީ ހަވާލު ކުރެއްވީ ނާސިރާއެވެ.
މިވާހަކަތަކާއި ހަދަންވީގޮތް ލިޔެފައިވާ ކަރުދާސްގަނޑެއް، މާލެއަށް ކޯޓަށް ގެންދިޔަ ދުވަހެއްގައި ޖަނާބާ، ނާސިރު ދިމާވުމުން ޖަނާބު އަތަށް ނާސިރުދިންކަމަށް ޖަނާބު ބުނުދިނެވެ. ޖަނާބު ބުނަނީ ދުވަސްގަނޑެއް ވަންދެން މިކަރުދާސް ގަނޑު، ޖަނާބުއަތުގައި އޮތްކަމަށެވެ. އެހެނަސް ފަހުންވީނުވީތަނެއް ނޭގުނީކަމަށެވެ. މިކަރުދާސްގަނޑާކީ އަޅުގަނޑުމެން ގެތެރެއިން މީހަކުދުށް އެއްޗެއް ނޫނެވެ. މުޅިންވެސް އިވެނީ ނާސިރާއި ޖަނާބު، ދައްކާވާހަކަ ތަކުގެއަޑެވެ.
ޖަނާބު ވަރަށް ރީތިކޮށް ވަރަށްސާފުކޮށް މިވާހަކަތައް އަޅުގަނޑުމެންނަށް ކިޔައިދިނެވެ. މިކަރުދާސްގަނޑު ފޮރުވައިގެން ގެންގުޅެން ހަދާންނުވީކަމަށް ޖަނާބު ބުނެއެވެ. މިއީ އެހާމުހިންމު އެއްޗެއްކަމަށް ހިތަށްވެސް ނޭރީކަމަށް ބުނެދިނެވެ. ކޮންމެއަކަސް ދީދީގެ މަސައްކަތް ނާސިރާހަމައަށް ވަރަށް ކާމިޔާބުކޮށް ހިންގާ ނިންމާ ލެއްވިއެވެ. އެއަށް ފަހު، ދީދީ މާލެއަށް ގެންގޮސް ދޫކޮށްލީއެވެ.
އެހެނަސް ޖަނާބު (ވިސާމް) ގެބޯހަރުކަމުން މިގޮތަށް އެދެމީހުންގެ ހެކިބަސް ސިފައިންނަށް ނުލިބުނީއެވެ. ވާދޫ އަހަންމައި ދީދީގެ ރޭމުމަކީ ނާސިރު އާއި ވިސާމުގެ އެއްބަސްވުން މިގޮތަށް ސިފައިންނަށް ލިބޭނެގޮތަށް މަގުފަހިކޮށްދިނުމެވެ. ވިސާމު މާލޭން ފެންނަކޮންމެ ދުވަހަކު މިގޮތަށް އެއްބަސްވެދީ ސަފައިން ސުވާލުކޮށްފިއްޔާ މިގޮތަށް ބަޔާނެއް ދިނުމަށް ނާސިރުއެދެމުން ދިޔަކަމަށް ވިސާމު ބުނެދިނެވެ.
ނާސިރު ވިސާމުގާތުގައި މިވާހަކަތައް ދައްކަނީ، މާލެއަށް ދެމީހުންއެކުގައި ކޯޓަށް ގެންދާ ދުވަސް ތަކުގައެވެ. މި ދެމީހުންނަށް މެންދުރު ކެއުން ދެނީ ދެމީހުން އެއްކޮށް އެއްތަނެއްގައި ބައިތިއްބައިގެން ކަމަށްވެއެވެ. ބޭނުންވަރަކަށް މި ދެމީހުންނަށް ވާހަކަދައްކާއި ސައްލާކޮށް ހެދެއެވެ. އަދި މީގެ އިތުރުން ދެވަނަ ރޭވުމެއް ވެސް، މި ދީދީ ނާސިރަށް ރާވައިދީފައި ވެއެވެ. އެރޭވުން ވެސް ލިޔެލާނަމެވެ.
އެއްދުވަހަކު، އެލިޔާ އަލީ އަބްދު ﷲ މ.ޔާގޫތުގެ މާލެ، މޯލްޑިވްސް ޕޯޓްސް އެތޯރިޓީއަށް ނާސިރު ގެންދަވާފައި ޑިމްސް ރޯކޮށްލި މަންޒަރު ވީޑިޔޯކޮށްފައި އޮތް ކެސެޓްރޯލެއް ނާސިރަށް، ދެއްކެވުމަށް ފަހު، އަލިފާނާބެހޭގޮތުން ނާސިރާ މަޝްވަރާކޮށް، އެކަންތައް ކުރިޔަށް ގެންދަންވީ ގޮތުގެވާހަކަތައް ކިޔައިދެއްވި ކަމަށް އެއްބަސް ވުމަށް ވެސް ނާސިރަށް ވަނީ، މި ދީދީ ހުތްލައިދީފައި ކަމަށް މިދެމީހުން ކިޔައިދީފައި ވެއެވެ.
އަދި ޖަވާހިރުވާދީ އަށް ގޮސް ސަރަންފީއެއްގައި އިނދެ، ޑޮކްޓަރު ވަހީދާ ބައްދަލުކޮށް މާލެތެރޭގެ އަލިފާނާބެހޭގޮތުން ސައްލާކޮށް ހެދިކަމަށް ނާސިރު ވަނީ އެއްބަސް ވެފައެވެ. އެހެނަސް މިދެކަންތަކާ އެއްގޮތަކަށް ވެސް ވިސާމު (ޖަނާބު) އެއްބަސް ނުވީއެވެ. ސިފައިން ވަރަށްގިނަ ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް ވިސާމު މިއިންކަމަކަށް އެއްބަސްނުވީ ކަމަށް ވިސާމު ބުންޏެވެ.
ވިސާމު މިދުވަސްވަރު ހުރީ ދީންވެރި ހާލަތަކަށް އައިސް ވަރަށް ސާލިހު ވެފައެވެ. ސޫފީއަކަށް ވެފައެވެ. ބަރާބަރަށް ނަމާދު ކުރެއެވެ. މީނައަށް މީނާ ނުކުރާކަމަކާ އެއްބަސްވާން ނުކެރިގެން ދީދީގެ ރޭވުންގަނޑު ކާމިޔާބު ވާގޮތް ނުވީއެވެ. މުޅިން ސުމަކަށް އެ ރޭވުންގަނޑު ދިޔައީއެވެ. ފެއިލްވީއެވެ. ވިސާމް ބުނާގޮތުގައި މިކަންތަކަށް އެއްބަސްވާން ނުކެރުނީ، އޭނާއަކީ ދުވަހަކުވެސް ޖަވާހިރުވާދީއަށް ވަތްމީހަކަށް ނުވާތީއެވެ.
އަދި ދުވަހަކުވެސް ޑޮކްޓަރު ވަހީދައި އަނގައިންބުނި މީހަކަށް ނުވާތީއެވެ. ﷲ ދެކެގަތް ބިރަކުން، ދޮގުހަދައިގެން ވާހަކަދައްކަން ނުކެރުނީ ކަމަށް ވިސާމު ބުނެދިނެވެ. މިކަމާގުޅިގެން ނާސިރު އަތުން ނެގި ބަޔާން އެއްޗަކަށް ނުވެ ބޭކާރުވީ ވިސާމު އަތުން ބަޔާނެއް ނުހޯދުނީމައެވެ. މިދުވަސްވަރު ދެހެކިންގެ ބަޔާން ހޯދައިގެން ސިޔާސީ އެތައްބަޔަކަށް ސިޔާސީގޮތުން ބޮޑެތި ހުކުމްކޮށް، ސިޔާސީ ގޯނާކޮށްފައި އެބަހުއްޓެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ، ސްޓޭޓުސްޕޮންސާޑް “ޕޮލިޓިކަލް ވައަލެންސް” State-sponsored political violence އެވެ. ސިޔާސީގޮތުން ސިޔާސީ މީހުންނަށް ގޯނާކޮށް، ހޭއަރުވާލުމެވެ. ހަގީގަތުގައި ޓެރަރިޒަމަކީ މިއީ އެވެ. ގޯގޯލަތީފަށް ވެސް ހަދާލީ ހަމަ މިގޮތެވެ. ހަމަ މިހެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އިންނަވަނިކޮށް ޖަލަށް ލުމަށް ފަހު، ދެމީހެއްގެ ހެކިބަސް ނެގުމަށް ފަހު، ހުކުމެއް އިއްވާލާފައި ސިޔާސީގޮތުން ގޯނާކޮށް ހޭއަރުވާލީއެވެ. ދުވަސް ދުއްވާލީއެވެ. އެދުވަސްވަރު މިކަހަލަ ސިޔާސީ ގޯނާތައް ވަރަށްގިނަ ސިޔާސީ ލީޑަރުންނަށް ސަރުކާރުން ރާވައިގެން ދީފައި ވެއެވެ. މީދޫ އަޒީ އަލިކަތީބު، ޝައިޚު ހުސައިން ޔޫސުފު ފަދަ ބޭފުޅުންނަށެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވީ މާލެ ތެރޭގައި އުދުވަސްވަރު އުފެއްދި "ބިންބިފޯސް" އިންނެވެ.
ވާދޫ އަހަންމައިދީގެ މިރޭވުންގަނޑުގެ ސިއްރަކީ، 1990 ވަނަ އަހަރު މާލެތެރޭގައި ބިންބިފޯސް އަޑީގައި އޮވެގެންހިންގި އަލިފާނުގެ ހާދިސާތަކާ ޖަވާހިރުވާދީއާ ގުޅުވާއި ޑޮކްޓަރު ވަހީދު ބަދުނާމުކޮށް، ބަންދުކުރެވޭނެ ގޮތެއް އީޖާދުކުރުމެވެ. ގޯގޯއަށް ހަދާލިގޮތް ވަހީދުއަށް ހަދާލާށެވެ. އަދި ޑޮކްޓަރ ވަހީދު ޖަލަށް ލުމަށް މަގެއް ކޮށާއި ފަހި ކުރުމެވެ. އެހެނަސް އަހަންމައިދީގެ ރޭވުންގަނޑު، ވިސާމާ ހެދި ކާމިޔާބު ވާގޮތް ނުވީއެވެ. ސުމަކަށް ގޮސް، ބޮޅެއްޖެހި ހިނދި ނިމުނީއެވެ. ދީދީ ރާވައިދިން ގޮތަށް ނާސިރުގެރޯލް ވަރަށް ފުރިހަމައަށް އަދާކުރިއެވެ.
އަދި ނާސިރުގެ ބަޔާނެއް ސިފައިން މިގޮތަށް ނެގިކަމަށް ވެސް ނާސިރު ބުންޏެވެ. ވިސާމް ތަހުގީގަށް ހާޒިރުކުރި ދުވަހެއްގައި، ނާސިރު ސިފައިންނަށް ދީފައިވާބަޔާން، ވިސާމަށް ދެއްކި ކަމަށް ވެސް ބުނެދިނެވެ. އެހެނަސް އުޅެއުޅެވެސް ވިސާމު އެއްބަސް ނުވުމުން، ނާސިރުގެ ބަޔާން އެއްޗަކަށް ނުވީއެވެ. ހެކިބަހަކަށް ނުފުދުނީއެވެ. އަދި އޭގެ ފަހު ދުވަހެއްގައި ވ.ޅަހުއްތު ކައިރިއަށް ސިފައިންގެއަށް ވިސާމު ހާޒިރުކޮށް ޖަވާހިރުވާދީއަށް ވަނިންތޯ އާއި ޑޮކްޓަރު ވަހީދާ ވާހަކަދެއްކިންތޯއާއި ވީޑިޔޯރޯލެއް އަލީއަބްދު ﷲ ކައިރީގައި އިނދެގެން ބެލިންތޯ ސުވާލުކޮށް ހެދިކަމަށް ވިސާމު އަޅުގަނޑު މެންނަށް ކިޔައިދީފައި ވެއެވެ.
ވ.ޅަހުއްތު މިކަންތައް މިހިންގީ ދެވަނަމީހެއްގެ ހެކިބަސްލިބޭތޯކަން ކަށަވަރެވެ. ވ.ޅަހުއްތު ވަރަށްބޮޑަށް މިސުވާލުތައް ކުރުމުންވެސް ވިސާމު ޖަވާބެއް ނުދިނީއެވެ. އެސުވާލުތަކަށް ފާޅުގައި އިންކާރު ކުރީއެވެ. މިހިސާބުން ފުލުސްކޯޓަށް އެމައްސަލަ ވައްދާނެ ހެއްކެތް ނުލިބުނީއެވެ. އޭނާ ދުވަހަކު ވެސް ޖަވާހިރުވާދީއަށް ނުވަންނަކަމަށް ބުންޏެވެ. އަދި ޑޮކްޓަރު ވަހީދު ނުދަންނަކަމަށާއި ދުވަހަކު ވެސް އަނގައިންބުނި މީހެއް ނޫންކަމަށް ވިސާމު ބުނެދިނެވެ.
ވިސާމުގެ އީމާންތެރިކަމާ، ވ.ޅަހުއްތަކަށް ނުކުޅެވުނެވެ. ކުޅެލެވޭ ގޮތެއް ނުވިއެވެ. ޖެހުނީ މިހާ ހިސާބުން މިކަންތައްގަނޑު ހުއްޓާ ލައްވާށެވެ. ފަހެ، މިއީ މަކަރާހީލަތުން، ވ.ޅަހުއްތުލައްވާ ސިފައިންގެ ވެރިޔާ ކުރުވަން އުޅުއްވި، ނުލަފާ އަނިޔާވެރި ކަމެކެވެ. އުޅެއުޅެވެސް ވ.ޅަހުއްތަށް މިކަންނުވީއެވެ. ވިސާމު އަތުން ބަޔާނެއް ނުނެގުނެވެ. ވ.ޅަހުއްތު ފެއިލްވީއެވެ.
މިހެންމިދެންނެވީ، ފަހުން އެނގުނުގޮތުގައި ވާދޫ އަހަންމައިދީ، ކެމެރާއެއްގެ ތުހުމަތެއްގައި ގާމާދޫޖަލަށް ގެންގޮސްދިނީ އާދަންޒާހިރާއި ކާށިދޫ ހުސައިން އިބްރާހީމްފުޅަށް ވާތީއެވެ. އޭރު ބިންބިފޯސް ބަލަހައްޓަމުން ގެންދިޔައީ ސީދާ ސިފައިން ގެއިންނެވެ. ދައުލަތުން ޚަރަދުކޮށްގެންނެވެ. ދީދީ ހުންނަވާ ގޭގެކުލި ދައްކަމުން ގެންދަނީ ވެސް ޑިފެންސު މިނިސްޓުރީންނެވެ. މިހިރީފަހުން ސާބިތުކުރެވޭނެ ކަންތަކެވެ.
މިލިޔުންތައް އަންދާނުލާ ހުރިއްޔާ ފެންނާނެ ލިޔުންތަކެވެ. ޚާއްސަކޮށް ބިންބިފޯހުގެ އެންމެހާ ކަންތައް ބެލެހެއްޓުމުގެ ބޮޑުމީހަކަށް އެންމެ އިސްކޮށް ހުންނެވީ، ސިފައިންގެ އެއްވެރިޔަކަށް އޭރުހުންނެވި ކާށިދޫ ހުސައިން އިބްރާހީމް ފުޅެވެ. މިހާރު އޭނާ ވަނީ، މިނުބައި ކަންތައްގަނޑާއެކު މިދުނިޔެދޫކޮށް ނިމިގޮސްފައެވެ. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާ ފައެވެ. ސިކުނޑިދުޅަވެ މުޅި މީހާ ދުޅަވާގޮތް ވެގެންނެވެ. ﷲ އޭނާގެ ފާފަތައް ފުއްސަވާއި އޭނާގެ ފުރާނަކަމުގައިވާ ރޫހު ސުވަރުގެއަށް ވައްދަވާށިއެވެ! އާމީން!
މިފުރުސަތުގައި ވާދޫ އަހަންމައިދީގެ މިކަމާގުޅޭ އެހެންވާހަކައެއް ދަންނަވާލާ ހިތްވެއެވެ. އަހަންމައިދީ އަކީ އޮފީސްއޮފީހުގައި ތިބޭ އަންހެން ކުދިންނާގުޅާއި އެކުދިންގެ އެކިއެކި ބޭނުންތަކަށް ބޮޑެތިއެހީތައް ވެދީ، އެކުދިންލައްވާ ސިޔާސީ ބޭނުންތައް ހިންގައި ހެދި މީހެކެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި އޭރު އުޅުނު، ހުދާ ކިޔާ އަންހެން ކުއްޖަކާ ގުޅައިގެން ޑޮކްޓަރ ވަހީދުގެ މޭޒުމަތީގައި މަރުގެ އިންޒާރު ދީފައިވާ ސިޓީއެއް ބޭއްވިކަން ފަޅާއެރުމުން އެކަންތައް ސީދާ އަޅުގަނޑު ޑިފެންސަށް ހެއްކާއެކު ރިޕޯޓްކުރުމުން ވެސް އެއްވެސް ގޮތަކަށް އަޅާ ނުލެއްވީއެވެ.
މިހުދާ އަކީ، އަތަމާގޭ އިސްމާއީލް އަބްދުއްލަތީފު "މާލު" ފުރަތަމަ ކައިވެނި ބައްލަވައިގެން އުޅުއްވި ހުދާއެވެ. އަދި އޯޑިޓްއޮފީހުގެ ލިޔުންތަކެއް ވެސް ދީދީމެން މިގޮތަށް އެ އޮފީހުގެ އަންހެން މުވައްޒަފަކާ ގުޅައިގެން ވަގަށް ބޭރުކޮށްފައި ވެއެވެ. އެދުވަސްވަރުގެ އޮޑިޓަރޖެނެރަލް ކުޑަދަހަރާގޭ އަބްދުއްރަޝިދުގެ ސިކުނޑި ހަމައިން ނައްޓާ މަގުމަތީގައި އާވާރާކޮށް، އުޅުއްވަންޖެހުނީ މިކަންތައްގަނޑާ ގުޅިގެންނެވެ.
އަދިވެސް އެދުވަސްވަރު، އިސްލާހީ ހަރަކާތުގައި މަސައްކަތްކުރެއްވި ގޯގޯލަތީފާއި މޮޑީމެން މީސްމީހުންނަށް މަރުގެއިންޒާރު ދިނުމުގެ ސިޓީތައް ފޮނުވައި ހެދީ ބިންބިފޯހުގެ މި މީސްމީހުންކަން ވަރަށް ތަފްސީލުކޮށް ހެތްކާއެކު ޑިފެންސަށް ހުށަހެޅުމުން އެކަންތަކަށް ޑިފެންސުން ދެއްވީ ބީރު ކަންފަތެކެވެ. މިޝަކުވާތައް ހިފައިގެން ޑިފެންސަށް ދިޔައީ ސީދާ އަޅުގަނޑެވެ. އެހެނަސް އަޅާވެސް ނުލެއްވީއެވެ.
ކުރީޒަމާނުގައި ރަށުތެރެއަށް ބަޔަކު ނެރެގެން މިކަހަލަ ކަންތައް ކާމިޔާބު ކުރެވުނަސް، އަޅުގަނޑު މެންކަހަލަ ކެރޭމީހުން ބޭރުން ކިޔަވައިގެން އައިސް ސިޔާސީ މައިދާނުގައި ކެރިގެން އަމަލީގޮތުން، ހަރަކާތްތެރިވާން ފެށުމުން މިފަދަކަންތައް ބޭޒާރުވެ، ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނެ ގޮތްތައް ނުވާން ފެށީއެވެ. މި މީހުން ބޭނުންވި ހުރިހާ ކަމެއް، އަދި ހުރިހާގޮތެއް ހަދާ ނުލެވުނީއެވެ.
ވާދޫދީދީގެ ގެކާރު ވިޒްކޯގަރާޖަށް ދޮންނަން ގެނައި ދުވަހެއްގައި ސިޔާސީ މީހުންނަށް މަރުގެ އިންޒާރު ދިނުމަށް ލިޔެފައި ހުރި ސިޓީތަކެއް ފެނިގެން ސީދާ އަޅުގަނޑު އެސިޓީތައް، ޑިފެންސަށް ހުށައެޅީމެވެ. އެކަމަކުވެސް ވީކަމެއް ހަރާމެވެ. އެދުވަސްވަރު ކަންތައް ރޭވިފައި ހުރި ގޮތަކީ މިއެވެ. ބިންބިފޯހަށް ދެވިފައި ވަނީ ވަރުގަދަބާރެކެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއާ، މިދެންނެވި ދީދީއާ ސިދާކޮށް ގުޅެއެވެ. އާދައިގެ ސިފައިން ބިންބިފޯހުގެ މި މީސްމީހުންދެކެ ބިރުގަނެއެވެ.
ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެހި ކަޓޫރަބޮމާއި ވީރާނާވެފައިވާ ކޮއިމަލާލޯންޗުގެ ތޮށިގަނޑު ދަށުގައި ގޮއްވާލެވުނު ގެވެހި ކަޓޫރަބޮން އީޖާދުކޮށް އެތައްފަހަރަކު ޓެސްޓްކޮށް، މި ދެ ގެވެހި ކަޓޫރަބޮން ވުޖޫދަށް ގެންނަން ޖެހުނީ، ބިންބިފޯހުގެ އުނދަގޫތަކާ ހެދިއެވެ. ފާޅުގައި އިސްލާހީ ހަރަކާތަށް ކުރަމުން ގެންދިޔަ ސިޔާސީ ޖެއްސުންތަކައި ހެދިއެވެ. މިފަދަ ގެވެހި ކަޓޫރަބޮމެއް އީޖާދުކުރެވުނީ، ބިންބިފޯސް ސިއްސުވާލުމުގެ ބޭނުމުގައެވެ.
އަދި ބިންބިފޯސް މާލެ ތެރެއަށް ނެރެގެން އުޅޭ ސަރުކާރުގެ އިސްފަރާތްތަކަށް އިސްލާހީހަރަކާތެއް ވުޖޫދުވެފައި ވާކަން ދައްކާލުމަށެވެ. އަދި ބޭރުދުނިޔެއަށް ދިވެހިރާއްޖޭގައި ކެރިގެން ތިބެ ޒުވާން ހަރަކާތްތެރިންގެ އިސްލާހީ ހަރަކާތެއް އަމަލީގޮތުން އޮތްކަން ފާޅުގައި ދެއްކުމަށެވެ. ބިންބިފޯހުގެ މީހެއްގެ މުދަލަކަށް، އަދި ކާރެއްފަދަ އެއްޗަކަށް، މިލްކު މުދަލަކަށް ގެނއްލުމެއް ނުވާގޮތަށް، ހުސްބިމެއްގައި ބާއްވާފައި ޓައިމަރަށްލައި ގޮއްވާލުމުގެ ބޭނުމަކީ ވެސް އެއްވެސް މީހަކަށް، އަދި އެއްވެސް އަމިއްލަ މީހެއްގެ މުދަލަކަށް ގެންލުމެއް ނުވާގޮތަށް އޭގެއަޑު ފިސާރިއަކަށް ގެއްލުމެއް ނުވާގޮތަށް އިއްވާލުމަށެވެ.
ބޭރުދުނިޔެއަށް އެއަޑުތައް އިއްވާލާއި ފަތުރާލުމަށެވެ. މާލެވަޑައިގެންނެވި އިއްޒަތްތެރީންނަށް ރާއްޖޭގައި އުފެދިފައި އޮތް އިސްލާހީ ހަރަކާތުގެ އަޑު އިއްވާލާއި ދައްކާލުމަށެވެ. ސިޔާސީގޮތުން ބިންބިފޯހަށާއި ސަރުކާރަށް ސިޔާސީ ބަސްނޭހުމެއްގެ ހަރަކާތެއް އޮތްކަން ދައްކާލުމަށެވެ. އެއްގޮތަކަށް ވެސް ދަރުބާރުގެއަށް ގެއްލުމެއް ދިނުމަކަށް ނޫނެވެ. ރައްޔިތަކަށް މުދަލަކަށް ގެއްލުމެއް ދޭކަށެއް ނޫނެވެ.
2 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 741 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އިރުވާހުދަށާއި ތޭރަވާއަށް ކާންދިނުން ގަވައިދުން އަޅުގަނޑު ކުރިޔަށް ގެންދަމެވެ. ގަސްތައްވަރަށް ރީތިކޮށް ބޮޑެތިވެ މާފޮޅެން ފަށައިފިއެވެ. ވަރަށްއަވަހަށް ފޯދި ކުދިފަޅޯތައް ފެންނާނެއެވެ. އަދި ޅަމިރުސް އަންނަން ފަށާނެހެން ހީވެއެވެ. ކުޅޭށާއި މޫދަށް ނެރުނެވެ.
3 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 742 ވަނަ ދުވަހެވެ. އިއްޔެނޫން އިހައްދުވަހު ފެށުނު އާއަހަރާ ގުޅިގެން މިއަދު އަޅުގަނޑުގެ ބޯކޮށާލާއި މަތިމަސް ކޮށާލައި ރީތިކޮށްލީމެވެ. މިކަންކޮށްދިނީ އަބަދުވެސް ޖަލުގައި އަޅުގަނޑުގެ ބޯކޮށައިދޭ ވާއްޕެއެވެ. ލޯގަނޑުން ހުރިގޮތް ބަލާލުމަށް ފަހު، ހިތަށް އެރީ ތުނބުޅިއެއްކޮށް ބާލާށެވެ. ވާއްޕެ ކައިރީގައި ބުނުމުން ތުނބުޅި ދުއްވާލަ ދީފިއެވެ. ހަމައެކަނި މަތިމަހާ އެއްކޮށް ދުވަސްކޮޅަކު ހުންނަގޮތަށެވެ., ވާގޮތް ބަލާލުމަށެވެ. ފަހަރުގައި މިގޮތް ކަމުހިނގައިދާނެ ކަމަށެވެ!
މިއަދު މަންމައަށް ގެއަށް ސިޓީއެއް ލިޔުނީމެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އަންނި ހައިކޯޓަށް ގެންދިއުމަށް މާލެއަށް ގެންދިޔައެވެ. ހައިކޯޓުގެ ޝަރީއަތުގައި އަންނިގެ ދިފާއުގައި ވަރަށް ވާހަކަދެއްކެވި ކަމަށް އަޅުގަނޑު މެންނަށް ބުނެދިނެވެ. އަންނި އާއި ދައުލަތުގެ ވަކީލު، ފަނޑިޔާރުގެ ކުރިމަތީގައި ހަމަހަމަކޮށް ދިނުމަށް ގޮވާލައްވައި ފަނޑިޔާރުގެ އަރިހުން އަންނި އެދުނެވެ.
އަދި އަންނި ޖަލުގައި ބަންދުގައި ބަހައްޓައިގެން، ވަކީލު މިނިވަންކޮށް ހުންނަވައިގެން ހެކިތައް ހޯއްދަވައިގެން ގެންނަވާ އިރު ހަމަހަމަވާނީ ކިހިނެތްތޯކަމަށް ދެންނެވިއެވެ. ދެފަރާތުން ހެކިހޯދުމުގައި އެއްވަރުނުވާ ހާލަތެއްގައި ހެޔޮމަގުން ޝަރީއަތް ގެންދެވޭނީ ކިހިނަކުންތޯ ފަނޑިޔާރާ، އަންނި ސުވާލުކުރެއްވިއެވެ. ވަކީލަކު ވެސް ނެތިއެވެ. ޝަރީއަތް ނިމެންދެން، އަންނި މިނިވަންކުރުން ނުވަތަ ޝަރީއަތް ނިމެންދެން ދައުލަތުން ދައުވާ އުފުލާ އެޓަރނީވެސް، ބަންދުތަނެއްގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކޮށް ދެއްވަންވާނެ ކަމަށް އަންނި ހައިކޯޓުގައި އަޑު އުފުއްލެވި ކަމަށް ބުނެދިނެވެ.
ދެމީހުން އެއްހަމަ ކޮށްގެން ނޫނީ ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންނި ހައިކޯޓުގެ ޝަރީއަތުގައި މިއަދު އަޑު އުފުއްލެވިއެވެ. ދެން އަންނި ހައިކޯޓަށް ގެންދާނީ އަންނަ ބުދަ ދުވަހުކަމަށް އަންނިއަށް އެންގިއެވެ. އަދި މާދަމާ، ވިންޓަރު ޝަރީފް ހައިކޯޓަށް ގެންނާނެކަން އަންނިއަށް ހައިކޯޓު ތެރެއިން ޚަބަރުލިބުނު ކަމަށް ބުންޏެވެ. އަޅުގަނޑު މެން ތެރެއިން މައްސަލަ ހައިކޯޓަށް ވެއްދީ އަންނި އާއި ވިންޓަރު އެކަންޏެވެ.
4 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 743 ވަނަ ދުވަހެވެ. މާލެ ގެންދިޔައީ ޝަންމި އެކަންޏެވެ. މިއަދު އަންނިގެ ބޮޑުބޭބެ އަބްޖީއާ ބައްދަލުކުރުން އޮތެވެ. ގާމާދޫ ޖަލުއޮފީހުގައެވެ. މިއަދު ރަސްމީކޮށް، ދިރޭމަސް މޫދުން ހިފުން ޕްރިސަންސުން މަނާކުރިކަން ފޮތެއްގައި ލިޔެ އަޅުގަނޑުމެން ލައްވާ ސޮއި ކުރުވިއެވެ. މިފަހަރު މަނާ މިކުރީ، ޕްރިސަންސުންނެވެ. އަދި ފޮތެއްގައި ލިޔެ ސޮއި ކުރުވައިގެންނެވެ.
ކުރިންމިކަން މަނާކޮށްފައިވަނީ ސިފައިންގެ ފަރާތުންނެވެ. ފޮތެއްގައި ލިޔެ އެންގުމަކާ ނުލައެވެ. އަޅުގަނޑަށް ހީވާގޮތުގައި ކޮންމެ ސިފައަކަށް މިކަން މަނާ ކުރިއަސް މޫދަށް ނެރެންޏާ، މި ކަން ހިނގާނެއެވެ. މި ފާޑަށް އަންގައިގެން މިއީ މަނާކުރެވޭނެ ކަމެއްހެނެއް ހިއެއްނުވެއެވެ. މޫދުން، މަސް ގެނެސްގެން ކައްކާހަދާވާހަކަ ރިޕޯޓްކުރާ ގައިދީން އަޅުގަނޑު މެންގެތެރޭގައި މިހާރަކަށް އައިސް އުޅެނީއެވެ.
އިސްތަފާމެން ބައެއް ކުދިން ހައްލާލައިގެން މިފާޑުގެ ކަންތައް ކުރުވަނީއެވެ. ޝަންމި މެންލައްވާ ވެސް ނުބައިކަންތައް ކުރުވާހެން އަބަދުވެސް އަޅުގަނޑަށް ހީވެއެވެ. ކޮންމެވެސް ބަޔަކަށް ފައިދާ އެޅޭ ގޮތަށް ޑްރަގުގެ ކަންތައް ހިންގަނީބާވައޭ ވެސް ހިތަށްއަރާ ފަހަރު އާދެއެވެ. އެޝައްކު އެހާބޮޑަށް ކުރެވޭތަން އާދެއެވެ. ޖަލުތެރޭގައި ޑްރަގްވިއްކުން ފަދަ ނުބައިކަންތައް ޝަންމިމެން ކޮށްއުޅެނީ ކޮންބައެއްގެ ތާއީދާއެކުގައި ކަމެއް ނޭނގެއެވެ. އޮޅުމެއް ނުފިލައެވެ.
އެހެނަސް ޝަންމި ކޮންމެ ދުވަހަކު މާލެ ދިއުމާއި ބައެއް މީހުންނާ ވަރަށް ގާތް ގުޅުން އޮންނާތީ ޑްރަގު ފަދަ ގޯސްކަންތައް ކޮށްއުޅޭކަމުގެ ޝައްކު އަޅުގަނޑުމެންނަށް ފަހަކަށް އައިސް ކުރެވެއެވެ. ޖަލުތެރޭގައި މުފިއްޓެމެން ޑްރަގުގެންގުޅޭކަމީ ޝައްކެއް ވަސްވާހެއް ނެތްހާ ތެދު ވާހަކައެކެވެ. ހަގީގަތެކެވެ. މުފިއްޓެ އަޅުގަނޑަށް ދައްކާ ވެސް ހަދައެވެ.
5 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 744 ވަނަ ދުވަހެވެ. އަންނިއަށާއި އަޅުގަނޑަށް މިއަދު ޕެން އިންގްލިޝް އިން، ޗާޕްކޮށް ޝާއިއުކޮށް ފައިވާ ވާހަކަފޮތެއް ޖަލު އޮފީހުން ގެނެސްދިނެވެ. މި ފޮތްތައް ފޮނުވާފައި ވަނީ ޕޯސްޓުންނެވެ. މިއީ އިގިރޭސިވިލާތުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ލިޔުންތެރިންގެ ޖަމްއިއްޔާ އެކެވެ. މިއީ ދެއިންޗިއެއްހާބޯ ފޮތެކެވެ. މިއީ ފުލޯކްވާހަކައެއް ނޫނެވެ. ބަޔަކުކޮށްފައިވާ ބުރަމަސައްކަތެއް ކުރިގޮތުގެ ވާހަކަ ދުވަހުން ދުވަހަށް ލިޔެފައިވާ ފޮތެކެވެ.
ޖަލުގައި ތިބޭއިރު އެންމެ ކިޔާހިތްވާ ފާޑުގެ ވާހަކައެކެވެ. މިފޮތް ފޮނުވި ފަރާތުގެ އެޑްރެސް އޮތީ މިގޮތަށެވެ. ފޮތްފޮނުވި މީހެއްގެ ނަމަކަށްއޮތީ، ޕޯލީން ނެވީލް އެވެ. އެޑްރެހެކަށް އޮތީ މިހެންނެވެ. ހަތެއް ޑިލްކްސްޓްރީޓް ޗެލްސިއާ ލަންޑަން މިގޮތަށެވެ. ފޯނުނަންބަރަކަށް ލިޔެފައި އޮތީ، 07 352 6303 ކެވެ. ޖަލުން ނުކުމެވުމުން ޝުކުރު އަދާކުރުމަށް މިނަމްބަރާ ގުޅަން ނިޔަތްގަނެވުނެވެ. މިފޮތް އަޅުގަނޑު ކިޔާލުމަށް ފަހު، އެހެންގައިދީން ކިޔުމަށް ދިނީމެވެ. އަންނިއަށް ވެސް މިގޮތަށް ފޮތްތައް ލިބުނެވެ. އަންނިއަށް ލިބިލައްވާ ފޮތްތައް އަޅުގަނޑު ކިޔުމަށް އަބަދުވެސް ދެއްވައި ހައްދަވައެވެ.
މިގޮތުން އަންނި ހަދިޔާކުރި ބައެއް ފޮތްތައް އަޅުގަނޑު އަތުގައި މިހާރުވެސް ހުންނާނެއެވެ. އެއްފޮތަކީ ޖަވާހިރުލާލްނެހްރޫ ޖަލުގައި ހުންނަވައިގެން އޭނާގެ ދަރިފުޅު އިންދިރާ ނެހްރޫ "ގާންދީ" އަށް ލިޔުނު ސިޓީތަކުގެ ފޮތެވެ.

އަދި މިދުވަސްކޮޅު އަންނި ގެންގުޅުއްވާ ދިވެހިތާރީޚީ ފޮތްތައް އަޅުގަނޑު ކިޔުމަށްދެއްވާ ހައްދަވައެވެ. އެއްފޮތް ނިންމާލާއިރަށް އަނެއްފޮތް ދެއްވާނެއެވެ. އަންނި އާ ހެދި ފޮތްކިޔުމުން ސަލާމަތް ވާގޮތެއް ނުވެއެވެ. މުހަންމަދު އަމީން ލިޔުއްވާފައި ހުރި ތާރީޚީފޮތްތައް ގަވައިދުން ކިޔަންޖެހެއެވެ. އަދި އިސްމާއީލް ދީދީގެ މޮޓަރުބޯޓުގެ ގަޑުބަޑުފަދަ ފޮތްތައް ފުރަތަމަ ފަހަރަށް އަޅުގަނޑު ކިޔާލަން ލިބުނީ މިބުރުގައި ޖަލުގައި ހުރެގެންނެވެ. އަންނި އަތުންނެވެ. މީގެ ތެރެއިން ބައެއް ފޮތްތައް އަޅުގަނޑު ދެތިންފަހަރުވެސް ކިޔާ ހަދަމެވެ.
6 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 745 ވަނަ ދުވަހެވެ. އަބްދު ﷲ ހުސައިން ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނި ހައިކޯޓަށް ގެންދިޔައެވެ. ޝަރީއަތް ބޭއްވިއެވެ. މިއަދު އޮތީ އަންނިގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ގޮތުން ވާހަކަ ދެއްކުންކަމަށް އަންނި ބުންޏެވެ.
7 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 746 ވަނަ ދުވަހެވެ. މިއަދު އަންނިގެ ބައްޕަ ކުއްލި ގޮތަކަށް އަންނިއާ ބައްދަލު ކުރެއްވިއެވެ. ހައިކޯޓުގެ ކަމެއްގައިކަން އެނގުނެވެ. އަބްދު ﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ދޮންދައްތަ އާއި ވިދާދާއި ފިދާގެ ކާޑުތަކެއް ޕޯސްޓުން ލިބުނެވެ. މިތަކެތި އަޅުގަނޑާ ހަމައަށް ޖަލަށް ގެނެސްދީފައިވަނީ ޕްރިސަންސުންނެވެ. އިސްތަފާ ކަނޑާ ބެއްލެވުމަށް ފަހު އޭގައި އެކަން ކުރެއްވިކަމަށް ސޮއިކުރައްވާފައި އޮތެވެ. ފޮނުވި އެޑްރެހަކަށް އޮތީ، ޓެންޒާނިޔާ ދާރުއްސަލާމެވެ. އެ މީހުން ތިބެނީ، ޓެންޒާނިޔާގައެވެ. އެއީ ރައީސް ޖޫލިޔަސް ނުމޭރީގެރަށެވެ.
8 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 747 ވަނަ ދުވަހެވެ. މިރޭ ކުއްލިގޮތަކަށް ޖަލުއޮފީހުން އައިސް، ޝަންމި މިބައިން ނެރެގެން ގެންގޮސް ކުރިންވެސް އޭނާހުރިގޮޅިއަށް ބޭރަށް ނެރެފިއެވެ. މި ވީނުވީއެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. މާގިނައިން މާލެދިއުމުގެ ތެރޭގައި ނަހަމަކަމެއް ހިންގީކަމަށް ލަފާކުރެވެއެވެ. މީނާ އަކީ ޑްރަގުގެ ގޮލައެކެވެ. މާކަރީ އިއްބެއަކީ ވެސް މީގެ ސޮރެކެވެ. އޭރު ޖަލުގައި އޮންނަނީ މިފަދަ ކަންކަން ރަނގަޅުކުރުމެއް ނޫނެވެ. އޭގެންފައިދާ ނެގުމާއި ފިޔަފާރިކޮށް ބައިއެޅުމެވެ.
އަދި ރަނގަޅަށް ތިބޭ މީހުންވެސް އޭގެތެރޭގައި ޝާމިލްކޮށް ބައްދާލުމެވެ. ނުވަތަ އެވިޔުގަ ފުޅާކުރުމުގެ ސިޔާސަތެކެވެ. މިކަހަލަ ކަންކަމުގެ އަވާގައި އިތުރު މީހުން ވެސް ޖައްސުވައި އެ މީހުންނާމެދު ފިޔަވަޅު އަޅައި ގިނަ މީހުން ތާށި ކުރުމެވެ. ގިނަ މީހުން ބަންދުގައި ބައިތިއްބައިގެން މިކަންތައް ވަށާޖެހި ދިގުދެމޭ ގޮތަށް ރާވައިގެން ހިންގުމެވެ. ކޮންމެވެސް ނާޖާއިޒު ފައިދާތަކެއް ނެގުން ފަހަތުގައި ފޮރުވިފައި އޮންނާނެއެވެ. މިވީ ގޮތުން މިބައިން ދެމީހުން މަދުވީއެވެ. 9 ނަންބަރު ކޮޓަރިން އެއްޖާގަ ހުސްވީއެވެ. ~ނުނިމޭ~



Comments