ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލެވުނީ، ސަލްޓަންޕާކުގައި ގެވެހިކަޓޫރަބޮން ގޮއްވާލިކަން ނާންގާހުރެގެންނެވެ. (އެއްވަނަބައި)
*ތަޢާރުފެއް:
*ފުރަތަމަ ފަހަރަށް ޓެރަރިޒަމް ގާނޫނެއް އުފެއްދުން:
*ތަހުގީގުފެށުން:
*ޖަވާހިރުވާދީއަށް ރޭގަނޑެއްގެ ދަންވަރު، ސިފައިންގެ ބޮޑުޖަމާޢަތެއް ވަދެ މުޅިގެ އެކުގައި ރޭޑުކުރި ވާހަކަ:
*ޖަވާހިރުވާދީ ފެންޑާގައި ތިބެ އިއްޒަތްތެރި މެމްބަރުން ކުރާ މަޝްވަރާގެ ސުވާލުކުރުން:
*އިލްޔާސް އާއި ސަޓޯގެ ސިއްރުވާހަކައިގެ ރެކޯޑިން ކެސެޓްރޯލް ލިބުނުގޮތް ތަހުގީގަށް ހާމަކުރުން:
*ފުރަތަމަ ފަހަރަށް ބިޑިއެޅުވުން:
*އަނދަގޮނޑިއަށްލުން:
ތަޢާރުފެއް:
ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ތިންވަނަފަހަރު ދޫނިދޫޖަލަށްލައި ކުޑަގޮޅިއެއްގައި ބަންދު ކުރީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެހި އުފެއްދުމެއް ކަމުގައިވާ، “ކަޓޫރަބޮން” ސަލްޓަންޕާކްގައި ގޮއްވާލިކަންތަކާ ގުޅުވައިގެން ސިފައިން ކުރި ތުހުމަތުތަކެއްގެ މައްސަލައިގައެވެ. އެތުހުމަތަކީ އެކަން އެނގިހުރެ އަންގަންވާފަރާތަށް ނާންގާ ސިރުކުރުމެވެ.
މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ގޮވާއެއްޗެއް ހަދާއި ރިމޯޓުކޮންޓުރޯލްކޮށް ގޮއްވާލި ފުރަތަމަ ފަހަރެވެ. މިކަންތައް ހިނގާދިޔަ އިރު، އަޅުގަނޑު ހުރީ، ދޫނިދޫޖަލުގައި ކުޑަގޮޅީގެ ބަންދެއްގައެވެ. މަންތިރި މައްސަލައިގައެވެ. އެއީ އަހުރެންގެ ދެވަނަ ޖަލުބަންދެވެ. އެހެނަސް ރައީސް މައުމޫނުގެ އޯޑަރަށް މިކަމުގައި އަޅުގަނޑު ތާށިކޮށް ޖަލުގެ ބޮޑުހުކުމެއް އިއްވުމަކީ، އޭރު ސިފައިންގެ އެންމެ ބޮޑު ރޭވުމެވެ. ތަހްގީގުތައް ކުރިޔަށް ގެންދިޔައީ އެމަގުންނެވެ. އެބީދައަށެވެ.
އަދި ރައީސް މައުމޫނު ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކަށް އޭރު ވެފައި އޮތީ މިކަމެވެ. މިކަން ސަރުކާރުން ދުށީ، 3 ނޮވެމްބަރު 1988 އުދުވާނީ ހަމަލާގެ ތަހްގީގަށް ވުރެ ވެސް ބޮޑުކޮށެވެ. އެތަހުގީގަށް ނުކުރާ ޚަރަދާއި ގިނަކަންތައް މިކަމަށް ކުރިއެވެ. 200 އަށްވުރެ ގިނަ މީހުން އެއްފަހަރާ ބަންދުކޮށް މުޅިން އާ ގޮޅިތައް ހަދާއި އާ ބިޑިތައް އެތެރެކޮށް، އެހެން ގޮސް އެތައް ޚަރަދަކާއި ކަންތަކެވެ.
ރައީސް މައުމޫނު މިކަން މިގޮތަށް ރާއްވަވައިގެން ހިންގެވީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކަށް އަޅުގަނޑުގެ ތާއީދު ދީ، ސަޕޯޓްކޮށް ސިޔާސީ ލީޑަރަކަށް ގަބޫލުކޮށްގެން ރާއްޖޭގެ ސިޔާސީކަން ކަމުގައި އަޅުގަނޑު އިސްކޮށް އުޅޭތީއެވެ. އަދި ޑޮކްޓަރ ވަހީދަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މުޅިންއާ އިސްލާހު ތަކެއް ގެނައުމަށް ސަރުކާރުތެރޭގައި އިސްކޮށް ހުރެގެން މަސައްކަތް ކުރާ ލީޑަރަކަށް ވާތީއެވެ.
ރައްޔިތުންގެ "ބޮޑުމަޖިލިސް" ކަމުގައިވާ ޚާއްސަމަޖިލީހުގެ ތެރޭގައި، 1980 ވަނަ އަހަރު ފެށުނު އިސްލާހީހަރަކާތް ލީޑުކޮށްދެއްވީ ޑޮކްޓަރ ވަހީދެވެ. އަދި ބޮޑު ކާމިޔާބަކާއެކު ރައްޔިތުންގެ މަޖިލީހުން މާލޭގެ އިސްގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ރައްޔިތުންނަށް ފައިދާހުރި މުހިންމު ބިލްތަކެއް ހުށަހަޅުއްވައި ރައްޔިތުންގެ އިސްލާހަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވީ، ޑޮކްޓަރ ވަހީދެވެ. މިކަންކަމާ ހުރެ ޑޮކްޓަރ ވަހީދު ވަނީ ރައީސް މައުމޫނު ސަރުކާރުގެ އަމާޒުފަތް ގަނޑަކަށް ވެފައެވެ. ފާރަލާއި މޮނިޓަރކޮށް ބަލަހައްޓަމުންދާ ސިޔާސީ ލީޑަރަކަށް ވެފައެވެ.
އާދެ! އެދުވަސްވަރު މާލެތެރޭގައި ކިތަންމެ ކުޑަ ސިޔާސީކަމެއް ހިނގިއަސް އެންމެ ފުރަތަމަ ބަންދުކުރަނީ އަޅުގަނޑެވެ. ޖަވާހިރުވާދީ އިލްޔާސެވެ. 1989 އިން ފެށިގެން މިކަން ހިނގާފައި ވަނީ މިގޮތަށެވެ. 19، 20 ސެޕްޓެންބަރ 2003 ގަޔާއި 12، 13 އޯގަސްޓް 2004 ގައި، އެންމެ ފުރަތަމަ ގެންގޮސް ކުޑަގޮޅީގައި ބަންދު ކުރި ސިޔާސީ މީހަކީ ވެސް ސީދާއަޅުގަނޑެވެ. އެހަރަކާތްތަކުގެ އަޑީގައި ތިބި މީހުންގެ ތެރެއިން އިސްލީޑަރަކަށް ބަލާއި ތުހުމަތު ކޮށްފައި ވަނީ އަޅުގަނޑުގެ މައްޗަށެވެ. އަޅުގަނޑަށް ފާރަލާއި ސިއްރުން ނަގާފައިވާ ވީޑިޔޯތަކާއި ފޮޓޯތައް ސިފައިން އަތުގައި ހުއްޓެވެ. ވަކި ފައިލެއް ޑިފެންސުގައި އޮތެވެ. އަޅުގަނޑުގެ ފޯންލައިންތައް އަޑުއަހާއި ލޮގުކޮށްފައި ހުއްޓެވެ.
03 ނޮވެންބަރ 1988 ވީބުރާސްފަތި ދުވަހު ރާއްޖެދުށް ނުރައްކާތެރި ހަމަލާގެ ތަހުގީގަށް ފަހުގައި ސިފައިން ހިންގި އެންމެ ވަރުގަދަ ވަޙްޝީ ތަހުގީގަކީ ސަލްޓަންޕާކްގައި ހިންގުނު ކަޓޫރަބޮމުގެ ކަންތައް ގަނޑެވެ. މިކަމުގެ ތުހުމަތުގައި މީހުން ބަންދު ކުރީ ގޮތެއްފޮތެއް ބަލައިގެނެއް ނޫނެވެ. ހިތަށްއެރިހާ މީހެއް ގެންގޮސް ޖަލުގައި ބަންދުކުރީއެވެ. ދާޖަހާލައިގެން މަސްއައިނެއް ނަގާހެން ގިނަބަޔަކު ނެގީއެވެ. ދެން ރެއާދުވާލު ތަހްގީގުތައް ހިންގީއެވެ. އެއީ ވަރަށް ވަޙުޝީތަހްގީގެކެވެ. ކަންކަމަށް އެއްބަސްކުރުވީ ގަދަކަމުންނެވެ. ހަގީގަތާއި ދޮގުވެސް އޭގެތެރޭގައި ބޮޑުކޮށް ހިމެނުނެވެ. މި ތަހްގީގުގެ ތެރެއިން ގިނަބަޔަކު ބުއްދިގޯސްވެ މޮޔަވިއެވެ.
ގާތްގަނޑަކަށް، 250 ވަރަކަށް މީހުން ދޫނިދޫއަށް މި ތަހްގީގު ނިންމާލި އިރު ގެނެވިފައި ވާނެއެވެ. މި އެންމެން ގެނެސް ޓިނުންހަދާފައި ހުރި ކުދިކުދި ގޮޅިތަކަކަށްލައި ޖަނަވާރު ތަކެއްހެން ބަންދުކޮށް، ވަރަށް އިހާނެތި، އަނިޔާވެރިކޮށް، އެކިގޮތްގޮތަށް ބިރުދައްކައިގެން ބަޔާންތައް ނަގާއި ތަހުގީގުޓީމަށް ފެނުނުހާ ގޮތަކަށް މިތަހުގީގު ގެންދިޔައީ ރާވާއި ބައްޓަން ކުރަމުންނެވެ.
ރައީސް މައުމޫނު ބޭނުންފުޅު ވެލައްވާގޮތަށް ސިޔާސީކުލަ ޖައްސަވަމުންނެވެ. ބޭރުދުނިޔެއަށާއި ބައިނަން އަގްވާމީ މުޖްތަމަޢަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ޖަލުތަކުގެ ވަޙްޝީ އަނދިރި އަނިޔާތައް ހާމަވެ، ފެތުރި އާންމުވެގެން ދިޔައީ، 1990 ގައި ދޫނިދޫޖަލުގައި ބަންދުކުރި ބޮޑު މި ބަންދުކުރުމާ ގުޅިގެންނެވެ.
ޔުނައިޓެޑް ކިންގްޑޮމް. ލަންޑަންގެ، 1. އީސްޓަން ސްޓްރީޓްގައި މަރުކަޒު ކުރެވިފައިވާ، ” އެމްނެސްޓީ އިންޓަރނޭޝަނަލް ސެކްރެޓަރިއޭޓުން، ރިޕަބްލިކް އޮފް މޯލްޑިވްސް ޕްރިސަނަރސް އޮފް ކޮންސިއެންސް އެންޑް އަންފެއަރ ޓްރެއިލް ކޮންސަރންސް، 1990- 1993. “ (AI Index: ASA 29/01/93. Distr: SC/GR/CO. June 1993.) ގެ މި ރިޕޯޓް ބެއްލެވުމުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ. މުޅި ދުނިޔެ މި ކަން ގަބޫލުކުރިއެވެ.
މިއީ ދިވެހިރާއްޖެއާ ގުޅިގެން އެމްނެސްޓީން އިންޓަރނޭޝަނަލް އިން ނެރުނު އެންމެ ފުރަތަމަ ރިޕޯޓެވެ. އެރިޕޯޓް ހޯއްދަވައިގެން ކިޔާލައްވާށެވެ. ރާއްޖޭގައި ގައިދީންނަށް ކުރާ އަނިޔާތައް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އެބޭފުޅުން، 1995 މ. ވަނަ އަހަރު ވެސް ކުރުރިޕޯޓެއް ދިވެހިރާއްޖެއާ ގުޅިގެން ނެރުއްވިއެވެ. 1990 ގެ ރިޕޯޓު ރައްކުލަ ލިންކުން ކިޔާލަން ލިބި ވަޑައިގަންނަވާނެއެވެ.

ފުރަތަމަ ފަހަރަށް ޓެރަރިޒަމް ގާނޫނެއް އުފެއްދުން:
ފަހެ، މިކަމާގުޅިގެން ބަންދުކޮށް، ތަހުގީގުކުރުމަށް ފަހު، ބެދެނީ ކޮންބައެއްކަން ޔަގީންވެ ކަށަވަރުވުމުން ސިޔާސީ މި ކަންތައް ގަނޑަކީ، ޓެރަރިޒަމްގެ އަމަލެއްކަމަށް ބަދަލުކޮށްލާއި ކުދިގޮޅިތަކުގައި ބަންދުކުރި ސިޔާސީ މީހުންނަށް ހުކުމްނުކޮށް ޖަލުގައި ބައިތިއްބައިގެން ރައީސް މައުމޫނުގެ އޯޑަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޭގަނޑާ އެކު ބާއްވައިގެން އިއްޒަތްތެރި މެންބަރުން އެއްކޮށް ގެން، އަވަސް އަވަހަށް ޓެރަރިޒަމާބެހޭ ގާނޫނެއް ވުޖޫދުކޮށް ފާސްކޮށްލީއެވެ.
ސީދާ ރައީސުލްޖުމްހޫރިއްގެ އަމުރުފުޅަށެވެ. ދިވެހިޢަރްޝީފު ބެލުމުން އެކަން ސާބިތުވާނެ ހެކިތައް ފެންނާނެއެވެ. ގާނޫނީ ޢިލްމުންނާއި ހައްގާއި އިންސާފުން ނެއްޓިފައިވާ، މިގާނޫނަށް ވޯޓު ނުދެއްވައި މަޖިލީހުގައި ކެރިގެން އިންނެވި ބަޠޮލަކީ، ރ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަލީވަހީދު އަބްދުއްރައްޒާގް އެކަންޏެވެ.
އަދި އެ ގާނޫނުގައި މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން މިފަދަ އަމަލުތައް ހިންގާފައިވާ މީހުންނަށް ވެސް މި ގާނޫނުގެ ދަށުންހުކުމް ކުރެވޭނެކަމަށް ޚާއްސަ މާއްދާއެއް ހިމެނީ، ގަސްދުގައި ވަކިބަޔަކަށް އަނިޔާކޮށް އެމީހުން ނިކަމެތިކޮށްލާއި ހޭއަރުވާލުމުގެ ބޭނުމުގައެވެ. އިސްލާމީ ޝަރީޢަތާއި ގާނޫނީ ޢިލްމުގައި މިއީ ޝާޛުކަމެކެވެ. ގާނޫނުގެ ރޫޙާޚިލާފު ކަމެކެވެ. އަދި އެއީ ޢިލްމާއި ޙިލްމާ ދިމާ އިދިކޮޅު ކަމެކެވެ. އެއްވެސް އިލާހީ ޝަރީޢަތެއްގައި އެޝަރީޢަތެއް ބާއްވާލެއްވުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް އެ ޝަރީޢަތެއްގެ ދަށުން ހުކުމް ތަންފީޒުކުރުން ކަނޑައެޅިފައެއް ނޯވެއެވެ.
ރައީސް މައުމޫނުގެ އަނިޔާވެރިކަން ފާޅުގައި ފެންނަނީ މިފަދަ ގޯސްކަންތައް ތަކުންނެވެ. މިއީ ގަސްދުގައި ވަކިބަޔަކަށް އަނިޔާ ދިނުމެވެ. ޖިނާއީބޮޑުކުށެކެވެ. މީހުންމެރުން ފަދަ ކަންތަކެވެ. މުޅި އިންސާނިއްޔަތު ކަތިލުން ކަހަލަ ކަންތަކެވެ. އަދި ރައީސް މައުމޫނުގެ ބަސްފުޅު ހިތުން ރުހުމުން އަހާނެ މީހަކު ދިވެހިރާއްޖޭގެ ބަންޑާރަނައިބަކަށް އެދުވަސްވަރު ބަހައްޓަވަން ބޭނުންވެގެން، އަލްއުސްތާޒް ޒާހިރުހުސައިނާ ރާއްޖޭގެ ބަންޑާރަނައިބުގެ އޮފީސް އެވަގުތު ހަވާލު ކުރެއްވުމީ ވެސް މިބޭނުމުގައި ހިންގުނު ރޭވުންތަކެއްގެ ދަށުންނެވެ. ސާފުކޮށް މިއީ ޒާތީ އަނިޔާއެވެ.
އަދި މާލެތެރެއަށް ސިފައިންގެ ބެލުމުގެދަށުން ޚާއްސަފޯހެއް، “ބިންބިފޯސް” ނަމުގައި ނެރުނީވެސް މިކަމަށް މަގުފަހުކުރުމުގެ ނުލަފާ ބޭނުމުގައެވެ. މިއީ ދިވެހިރައްޔިތުންނަށް ޣައްދާރުވުމުގެ އަމަލެކެވެ. ޚުދްމުޚްތާރީއެވެ. މުސްތަބިއްދުކަން ދެއްކުމެވެ. އަމިއްލަ ބާރުގެ ދަށަށް ދިވެހި ދައުލަތް ލުމެވެ!
އާދެ! މިބުރުގައި އަޅުގަނޑު ޖަލަށް ގެނެވުނު އިރު، އަޅުގަނޑު ހުރީ އޮފީހަށް ނުނިކުމެވޭގޮތަށް، ރައީސް އޮފީހުން އަންގަވައިގެން ގޭގައި ބަހައްޓާފައެވެ. ސަރުކާރުން ކަނޑާލާއި ވަޒީފާއިން ވަކިކުރެއްވިކަން އޮތީ ނާންގައެވެ. އެކަން ޢަމަލީ ގޮތުން ކޮށްފައެއް ނުވެއެވެ. އެހެނަސް އެއީ އިދާރީގޮތުން ވަކި ދުވަހެއް ހަމަވުމުން ސަރުކާރުން ކުރައްވަން ޖެހޭ އިދާރީ އިޖްރާއާތެކެވެ.
އާދެ! 22 ޑިސެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ ސިފައިންގެއަށް ގެންދިޔައިރު އަޅުގަނޑު ހުރީ، މަންތިރި މައްސަލަ މުޅިން ނުނިމި ވާތީ ގޭބަންދުގައެވެ. އެރޭ ގެންދިޔަގޮތަށް އިރުގަނޑެއްގައި ސިފައިންގޭގައި ބޭންދުމަށް ފަހު، އެކެއް ޖަހާ އެހާ ކަންހާ އިރު ކުޑަވަރެއްގެ ވޭލަރަކަށް ލައިގެން ގެންދިޔައީ ސީދާ ދޫނިދޫޖަލަށެވެ. ބޭލިގޮތަށް ގެންގޮސް މިފަހަރު ވެއްދީ، 6 ނަންބަރު ގޮޅިއަށެވެ. އެއްވެސް ކަހަލަ ސުވާލެއް ކޮށްލުމެއް ނެތިއެވެ. މިއީ ފުރަތަމަބަރީގެ އެންމެ ފަހު ގޮޅިއެވެ.
މިގޮޅިތައް ހުންނަނީ، ދޫނިދޫގެ ހުޅަގުން އިރަށެވެ. ކުރިމައްޗަކީ އުތުރެވެ. 6 ނަންބަރު ގޮޅިއަށްލާ ބަންދުކުރިއިރު އޮތީ، 23 ޑިސެންބަރ 1990 ވީއާދީއްތަ ދުވަހަށް ފެށިފައެވެ. ޖަލުގައި ކުރިން ހުރި އިރުގެ އެއްވެސް ކަހަލަ އިނާޔަތެއް މިފަހަރަކު ނެތެވެ. އެނދެއް ގޮދަޑިއެއް ބާލީހެއް އެކައްޗެއް ވެސް ނެތެވެ. ގޮޅީގެ އަށިމަތީގައި އޮވެގެން ވަރަށްގިނަ އިހްސާސްތައް ކުރެވުނެވެ. ހެދުނުސައި ގެންނަންދެން އޮތީހޭލައެވެ. އެކިއެކި ސިޔާސީފިކުރު ތަކުގައެވެ. ސަރުކާރު ލިބޭދުވަހަކުން ކަންކަން ރާވާނެ ގޮތްތަކުގެ ވިސްނުމުގައެވެ.
ޖަލުތެރޭގައި ކަންތައްތައް ހުރިގޮތުން މިފެށުނީ ބޮޑުސިޔާސީ ކަންތައް ގަނޑެއްކަން ގަބޫލުކުރެވުނެވެ. ދެން އަނބުރާ ގެއަށްދެވޭނެ ދުވަހެއް ހަދާންނައްތާލައި މިކަންތައްގަނޑާ ކުރިމަތިލުމަށް އަޒުމްކަނޑައަޅައި، ﷲއަށް ވަކީލުކޮށް ލައިގެން ފަތިސްނަމާދަށް ފަހު، ﷲއަށް ދެންނެވެން ހުރިހުރިހާ ދުޢާއެއް ދެންނެވުމާއެކު ދިމާވާކަންކަމާ ހިތްވަރާއި ކެރުމާއި ޢަޒުމާ އެކު ކުރިމަތިލުމަށް ތައްޔާރުވެ، ރެޑީވެގެން ހުރީއެވެ. އެހެން ގޮތެއް ކުރުމަތީގައި ނެތެވެ. ހިތާމަކޮށް ދެރަވެ ނަފްސުމަރާލައިގެން ނުވާނެކަން އަބަދުވެސް ހަނދާން ހުރެއެވެ.
މިވަގުތު ދޫނިދޫ ޖަލުގައި، އަޅުގަނޑުގެ ހުރިހާ ފިރިހެން ކޮއްކޮއިންނާއި އަންނި އާއި ބޮޑުސައްޕެ އާއި ނޯބެ އާއި ހެރިންސް ހަންނާނާއި ވިންޓަރ ޝަރީފާއި ވަރަށްގިނަ ސިޔާސީ މީހުން ބަންދުކޮށްފައި ތިއްބެވެ. ކުރިން ދެންނެވިހެން، 250 މީހުންނަށް ވުރެވެސް ވާނީ ގިނައެވެ. ނިންދަނާނެ ތަނެއް ނެތިގެން ފެންޑާތަކުގައި ވެސް ގައިދީން ބާއްވާ ހެދިއެވެ.
އަޅުގަނޑުމެން އެންމެންނަކީ، ޑޮކްޓަރ ވަހީދުއާއި ގާސިމް އިބްރާހީމާއި ގޯގޯމެން ފެއްޓެވި އިސްލާހީ ހަރަކާތް ދިރުވުމުގައި ދަރިވަރުންގެ ގޮތުގައި ބިރެއްނެތި ފާޅުގައި ދެމި ތިބި ޒުވާނުންނެވެ. އަޅުގަނޑުމެންގެ އަޒުމަކީ، ސިޔާސީ ގޮތުން ދިވެހިރާއްޖެ އިސްލާހުކޮށް ބޮޑު ޑިމޮކްރަސީއެއް ރާއްޖެއަށް ގެނައުމެވެ.
އަދި ވީހާ އަވަހަކަށް އިންސާފުވެރި މިނިވަން ރިޔާސީ އިންތިޚާބެއް ދިވެހިރާއްޖޭގައި ބޭއްވުމެވެ. އަޅުގަނޑު މެން، ހަގުމީހުންގެ ތެރޭގައި ލީޑަރަކަށް އޮޓަމެޓިކުން ހޮވިފައި ހުންނަނީ، ކޮންމެކަމަކަށް ވެސް މޮޅުވާހަކަތައް ދައްކަވާފައި އިސްނަގައި ކުތިމަތި ލައްވަން ކެރޭ ފަސްޖެހުމެއް ނުވާ މުޙައްމަދު ނަޝީދު "އަންނި" އެވެ. އަންނިއަށް އެންމެ ގަދަޔަށް ހިތްވަރުދީ ކަންކަން އާލާ ކޮށްދޭ މީހަކަށް އެންމެކާރީގައި އަބަދުވެސް ހުންނަނީ އަޅުގަނޑެވެ. އެއީ އެވަގުތު އެކަންވީ ގޮތެވެ. އެހެންވެ ސިޔާސީގޮތުން ރާވާ ކޮންމެ ކަމެއްގެ އަޑީގައި އަޅުގަނޑުގެ ރޯލުގެ ބައިތައް ވަރަށް އިސްކޮށް ކުޅެންޖެހެއެވެ.
ތަހުގީގުފެށުން:
24 ޑިސެންބަރ 1990 ވީހޯމަ ދުވަހު ގޮޅިން ނެރެގެން ގެންދިޔައީ ޖަލުސަރަހުއްދުން ބޭރުގައިވަކިން ބަހައްޓާފައިހުރި މޭޒެއްގެ ދޮށަށެވެ. އެމޭޒުގައި އިންނެވީ، އަލްފާޟިލް މުހަންމަދު އިބްރާހީމެވެ. ފުރަތަމަ ކުރެއްވި ސުވާލަކީ، އިލްޔާސްގެ ގެކަމުގައިވާ ޖަވާހިރުވާދީ ތެރެއިން އިލްޔާސް ނިދާކޮޓަރިން ސިފައިންނަށް ފެނިފައި ހުރި ތަކެތީގެ ލިސްޓެއް މިތާގައި، ތިމަންނާ އަތުގައި މިއޮއްތީއެވެ. މިލިސްޓްގައި އިލްޔާސްގެ ސޮއިވެސް އެބައޮތެވެ. އަޅުގަނޑުލައްވާ މިލިސްޓެއް ހެދުމަށް ފަހު، ސޮއިކުރުވީ މަންތިރި މައްސަލާގައި ޖަލުގައި ބަންދުވެފައި ހުރިއިރުއެވެ.
މުހަންމަދު އިބްރާހީމް ބުނުއްވަނީ، މިލިސްޓްގައި ހުރި ބައެއްތަކެއްޗާ، އިލްޔާސް ކޮއްކޮ އަހްމަދު ރަޝީދުމެން ހަދައިގެން މާލެ ތެރޭގައި ގޮއްވިބޮމުގެ ހާދިސާއާ ވަރަށްގުޅުން އެބަ ހުއްޓެވެ. އެ ބޮން ހެދިއިރު ބަޑިބޭހަށް ބޭނުންކޮށްފައި ހުރީ، އިލްޔާސްގެ ކޮޓަރި ފާސްކުރުމުގައި ފެނިފައިވާ މޮހޮރުބަޑީގެ ވަޒަނާއި އެވައްތަރުގެ ވަޒަނުން ނަގައިފައި ހުރި ބަޑިބޭހެވެ. އެހެންވުމުން އެބޮންތަކާއި މިވަޒަންތަކާ ވަރަށްގުޅުން އެބަހުއްޓެވެ.
މިބީދައިން ދުރާލާ ރާވާލައިގެން، މާލެތެރޭގައި ހަރަކާތްތެރިވި ބިންބިފޯހާ ދެކޮޅަށް ކޮއްކޮ ހަންދުމެން ކުރިކަންތަކާ، އަޅުގަނޑައި ގުޅުވަން ވަރަށްގިނަ މަސައްކަތް މީނާ ކުރިއެވެ. މި ވާހަކަތަކަށް ފަހު، ދެންކުރި ސުވާލަކީ، 03 ނޮވެންބަރ 1988 ގެ ޝަރީޢަތްތައް ހިނގި އިރު، ކަރޯއައްބާސް ޝަރީޢަތުގައި ދެއްކެވި ވާހަކަތައް އަކުރުންއަކުރަށް އިލްޔާސް ލިޔެފައި މިހުރީ ކީއްވެގެން، ކީއްކުރަން ތޯއެވެ؟ އިލްޔާސް މިކަންކުރީ ކޮންބޭނުމެއްގައި ތޯއެވެ؟ އިލްޔާސް މިކަންކުރިގޮތް ބެނެދޭށެވެ! މިސުވާލުގެ ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ.
ތިޔަލިސްޓް އަޅުގަނޑު ކުރިމަތީގައި އިންނަވައިގެން ސިފައިންގެ އޮފިސަރެއް ކަމުގައިވާ ނައިބުގޭ މުހަންމަދު ހަލީމް މި ދޫނިދޫގައި ލިޔުއްވައި އަޅުގަނޑު ލައްވާ ސޮއިކުރުވި ދުވަހުވެސް ވާނީ އެ ވާހަކަތަކާއި އެކަން ހިނގާދިޔަ ގޮތް ކިޔައި ދީފައެވެ. ތިޔަބޭފުޅުންގެ ރެކޯޑުގައި ނެތްތޯއެވެ؟
ފަހެ، ދަންނާށެވެ! މިކަންކުރިގޮތަކީ، އަޅުގަނޑަކީ ޚާއްސަހުއްދައެއް ލިބިގެން، 3 ނޮވެންބަރު، 1988 ގެ ހުރިހާޝަރީޢަތެއް އަޑުއެހުމަށް ގަވާއިދުން ހައިކޯޓަށްވަތް މީހަކަށް ވާތީ ވަރަށްގިނަ ނޯޓްހަދައި އަދި ހައިކޯޓުން ލީކްވިރޯލްތަކުންނާއި ބޭރުގައި ބެހެއްޓި ތާޅަފިލިން މީހުން ރެކޯޑްކުރި ރޯލްތައް ހޯދައިގެން ހެޑްފޯނެއް އަޅައިގެންއިނދެ އަޑުއަހަމުން އަކުރުން އަކުރަށް އަޅުގަނޑު ލިޔުނީއެވެ.
މިކަންކުރީ އެކަމަށް ޝައުގުވެރިވާލެއް ބޮޑުކަމުން ދިވެހިތާރީޚަށް ޓަކައި އެސޮފުހާތައް ފޮރުވުމުގެ ބޭނުމުގައެވެ. ފޮތެއް ތައްޔާރު ކުރުމުގެ ނިޔަތުގައެވެ. މިގޮތަށް މިހުރިހާ ޝަރީޢަތް ތަކެއްގައި ދެކެވުނު ވާހަކަތައް ކަރުދާސް ކުރީ އެ ބޭނުމުގައެވެ. އަދިވެސް ދެންނެވީމެވެ. މޮހޮރުބަޑީގެ ވަޒަނުން ބަޔަކުބޮމެއް ހެދިޔަސް އަޅުގަނޑުގެ އަލަމާރިން ސިފައިންވަދެ ނެންގެވި މޮހޮރުބަޑީގެ ތިންވަޒަނާ ކޮއްކޮހަންދުމެން ހެދި ގެވެހިބޮމާ އެއްވެސް ގުޅުމެއް ނުވާނެއެވެ. އަހުރެން އޮތީ މިތާ ދޫނިދޫ ކުޑަގޮޅިއެއްގައި ބަންދުކޮށްފައެވެ.
އަޅުގަނޑުގެ ކޮއްކޮމެން ތިޔަބުނާ އެއްޗެއް، ބޮމެއް ހެދިކަން، ނުވަތަ އަދި ނުހަދާކަން ވެސް އަޅުގަނޑުގެ އިލްމުގައި އަދިއެއް ނެތެވެ. އަޅުގަނޑު ޖަލުގެ ކުޑަ ގޮޅީގައި ގެންގުޅޭތާ އެތައްދުވަހެއް ވެއްޖެއެވެ. ކޮއްކޮމެން ރުޅިއައިސްގެން އެއުޅެނީވެސް އެއްވެސް ކަމަކާނުލާ އަޅުގަނޑު ދޫނިދޫ ޖަލަށް ގެނެސް ބަންދު ކުރުމުންނެވެ. ޝަރީއަތްނުކޮށް ބަހައްޓާތީއެވެ. އަދި މާލެތެރޭގައި ސަރުކާރުގެ އެހީތެރިކަމާއި މަދަދާއި ހިތްވަރުދީގެން ނެރެގެން އުޅޭ މާވަރުގަދަ، ބިންބިފޯހުގެ ދުއްތުރާތަކާއި އާންމު އުނދަގުލާއި ކުރާޖެއްސުމާ ހެދިއެވެ.
ޣައިރުގާނޫނީ ކަމެއްކުރިއްޔާ ކޮށްގެން އުޅެނީ، ރާއްޖޭގެ މުޅި ޑިފެންސާ ހަވާލުވެގެން ހުންނެވި، އިލްޔާސް އާއި އެފްޕީއައިޑީއާ ހަވާލުވެގެން ހުންނެވި، ސަޓޯއެވެ. އަޅުގަނޑެއް ނޫނެވެ. ފުރަތަމަ ބަލަންވީ އެކަމެވެ. ގަސްބަހައްޓާފައި ފަތްކޮޅުތަޅާލައިގެން ނުވާނެއެވެ. އަޅުގަނޑަކީ އެމީހުންކުރި ޚިޔާނާތްތައް ރައްޔިތުންނަށް ބޭޒާރުކުރަން މަސައްކަތްކުރި މީހާއެވެ. އެހެނަސް ޖަލަށް ގެނެސް ކުޑަގޮޅިއަށްލައި ބަންދުކުރީ އެ ވާހަކަތައް އަޑުއެހި މީހުންނާއި އަޅުގަނޑެވެ. އެޚިޔާނަތް ދިވެހި ރައްޔިތުންނަށް ބޭޒާރުކުރަން އުޅުނު މީހުންނާއި އަޅުގަނޑެވެ.
ދިވެހި ގައުމަށް ޚިޔާނާތްތެރިވެ އެވާހަކަ އަސްލުގައި ދެއްކި މީހާއެއް ނޫނެވެ. ބޮޑުވެގެންވާ އެ ވައްކަންކުރި ފަރާތެއް ނޫނެވެ. މަންތިރީގެ މައްސަލާގައި ބަންދުގައި ހުރެފައި މިފަހަރު ގެނައުމާ ދޭތެރޭގައި ގޭގެބަންދުގައި ހުރިއިރު މަންމަމެންގެ ފަރާތުން އެނގުނު މައުލޫމާތެއް ފިޔަވާ ތިޔަކަމުގައި އަޅުގަނޑުގެ ސިކުނޑިއަކު ތިޔަބުނާ ކަމަކާގުޅޭ އެއްވެސް ޚަބަރެއްނެތެވެ. މައުލޫމާތެއް ނެތެވެ. މިފަދަ ސުވާލުތަކަށް ފަހު، އަޅުގަނޑުދެއްކި ވާހަކަތަކާއި އެނާއަށް ފެނިލެއްވި ވާހަކަތަކެއް ހިމަނައިގެން ރަފްބަޔާނެއް ލިޔެ، އަޅުގަނޑުލައްވާ ސޮއި ނުކުރުވާ އެބަޔާން ހިއްޕަވައިގެން އޭނާދިޔައީއެވެ.
ދެން ސުލައިމާނު ސަރުދާރު، އަޅުގަނޑު ގެނެސް ކުރިންވެސް ހުރިގޮޅިއަށް ވައްދައި ތަޅުލައިފިއެވެ. މިބަޔާން މުހަންމަދު އިބްރާހީމް ލިޔުއްވީ އަޅުގަނޑު އޭނާގެ ކުރިމަތީގައި ބައިންދައި ގެންނެވެ. އެނާލިޔުނު ބައެއްވާހަކަތައް އަޅުގަނޑަށް ފެންނާތީ ކިޔާލެވުނެވެ. އަޅުގަނޑަށް ހީވަނީ، ރަފުކޮށް މި ހަދާލިބަޔާނަކީ، ތަހުގީގުކޮމެޓިއަށް ބޭނުންވާ މައުލޫމާތު ދިނުމަށާއި އެބޭފުޅުންނާ މީނާ މަޝްވަރާކޮށް މިކަމުގައި އަޅުގަނޑު ތާށިކޮށްލުމުގެ ބޭނުމަށް ތައްޔާރުކޮށް ހަދާލި ރިޕޯޓެއް ހެނެވެ.
މީނާ މިކުރެއްވި ސުވާލުތަކުންނާއި އެބަޔާން ލިޔުއްވިގޮތުން ކޮއްކޮމެންގެ ކަޓޫރަބޮމުގެ ހާދިސާގައި އަޅުގަނޑު ތާށިކުރާނެކަން ޔަގީން ވެއްޖެއެވެ. މީނާގެ ވާހަކަތަކުގައި ހަންދުއާއި ޝަފީގު (ބޮޑުސައްޕެ) މިހާރުވެސް އެއްބަސްވެ މިކަމުގައި ތާށިވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ކަނޑުބޯޓު ފަހަރުގައި ބޭނުންކުރާ ކަހަލަ “މެރީން ސިގްނަލް ފްލެއަރ” އެއް ރައީސް ހުންނަވާ ރިޔާސީ ގަނޑުވަރަށް ފޮނުވާލަން ރާވާފައިވާ ކަމަށް ބޮޑުސައްޕެ އެއްބަސް ވެއްޖެކަމަށް މީނާ ވިދާޅުވިއެވެ. މިއުޅެނީ އަހުރެން ތާށި ކުރުމަށް މަގުފަހު ކުރާންކަން ފާހަގަކުރެވުނެވެ.
އަދި ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އާއި އިލްޔާސަށް، ހަންދު ހަދައިގެން އުޅޭ ބޮންތައް ބޭނުންކުރާނެ ތަންތަން އެނގޭނެ ކަމަށް ބާރުލާފައި މީނާ، އަޅުގަނޑާ ދިމާއަށް ބުނެ ހައްދަވަމުން އަޑުގަދަކުރިއެވެ. އިލްޔާސް ކޮއްކޮމެން މިޒާތުގެ، ފަސްވަރަކަށް ބޮން ހަދާފައިވާކަމަށް މީނާ ބުންޏެވެ. އޭގެ ތެރެއިން ދެބޮން ގޮއްވާލާފައި ވެއެވެ. އެއްބޮން ސަލްޓަންޕާކުގައެވެ. އަނެއް ބޮން ހެންވޭރުކޮޅަށް އެހެލާފައި އޮތް އެމްޓީސީސީގެ ކޮއިމަލާލޯންޗު ތެރޭ ގައެވެ.
ތަހުގީގުގެ މިބުރަށް ފަހު އަޅުގަނޑުގެ ވިސްނުން ވަރަށްގިނަ ގޮތްގޮތަށް އެބުރެން ފަށައިފިއެވެ. ބައެއްފަހަރު ހިތައްއަރައި ގަބޫލު ކުރެވެއެވެ. ތަހްގީގުޓީމުން މިއުޅެނީ އަޅުގަނޑާއި އަންނި ގަދަކަމުން މިބޮމުގެ ހަމަލާގެ ގެތެރެއަށް ވައްދާށެވެ. ޓެރަރިޒަމް އަމަލެއްގައި ގަދަކަމުން ބައިވެރި ކުރުވާށެވެ. އަނެއްބައި ފަހަރު ހިތަށް އަރަނީ، އަޅުގަނޑުމެން ދެމީހުން މީގެތެރެއަށް ރަނގަޅަށް ވަދެގެންނޫނީ ހަނދުމެން ހުރިހާކޮއްކޮ މެންނަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ. މިދެގޮތް އަބަދުވެސް ހިތުތެރޭގައި އެނބުރެން ފަށައިފިއެވެ. ފަހަރުގައި އަންނި އާއި ސައްޕެއަށް ހަންދުގެ މި އަމަލު އެނގިފައި އޮވެދާނެ ވެސްމެއެވެ. އެހެނަސް ހަމަ ގައިމުވެސް އަހުރެންނަށް ހަގީގަތުގައި ވެސް މިކަމުގެ އެއްވެސް އިލްމެއް ނެތެވެ.
އަދި ސިޔާސީ ގޮތުން މި ހިނދަށް މޮޅުވެފައި އެންމެ ފައިދާކުރާނީ، މިކަމުގެ ތެރެއަށް އަޅުގަނޑުމެން ސިޔާސީމީހުންގެ ތެރެއިން ބަޔަކު ވަނުމުން ކަމުގައި ކަމަށް ވެސް ވިސްނުނެވެ. އަދި މިގޮތަށް ބުރަވެވެން ފަށައިފިއެވެ. މުޅިދުވަހާއި އެރޭއެކުގައި ދިޔައީ މިވިސްނުން ގަނޑުތެރޭގައެވެ. އެރޭ އެއްގޮތަކަށް ވެސް ނިންޖެއް ނައެވެ. އެރޭ އެކުގައި ދިޔައީ ނިދުމެއް ނެތިއެވެ. ވިސްނުމާއި ފިކުރުގައެވެ.
ޖަވާހިރުވާދީއަށް ރޭގަނޑެއްގެ ދަންވަރު، ސިފައިންގެ ބޮޑުޖަމާޢަތެއް ވަދެ މުޅިގެ އެކުގައި ރޭޑުކުރި ވާހަކަ:
17 ނޮވެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ މާފަންނު ޖަވާހިރުވާދީއަށް ސިފައިންގެ، 32 ބޭކަލުންގެ ބިޔަފައުޖެއް، އަލްފާޟިލް އިބްރާހީމްދީދީ، ތުއްބީގެ ލީޑަރޝިޕާއި ކޮމާންޑުގެ ދަށުން، ވަދެ ކުރި ރޭޑުކުރުމުގައި އަޅުގަނޑު ނިދާ ކޮޓަރި ފާސް ކުރުމުގައި ނަގައިގެން ގެނެސްފައިވާ ތަކެތިކަމުގައި ލިސްޓްކޮށް ސޮއިކުރުވި ތަކެއްޗަކީ، ހަދާންނުގައި ހުރި ގޮތުގައި މިދަންނަވާ ތަކެއްޗެވެ. އެދުމުން ވެސް އެލިސްޓުގެ ކޮޕީއެއް ނުދިނެވެ.
މިރޭޑްގައި މުޅި ޖަވާހިރުވާދީ ފާސްކޮށް ހުރިހާތަނެއް ފާސްކޮށް ބެއްޔެވެ. އެކަމުގައި ދެގަޑިއެއްހާ އިރު ނެގިކަމަށް ބުނެއެވެ. 3 ނޮވެމްބަރު 1988 ގައި އިންޑިއާސިފައިން ދަންވަރު ގެއަށްވަދެ ފާސްކުރި ވަރަށް ވުރެ މިފާސްކުރުން މާ ބޮޑެވެ. މިއީ އަޅުގަނޑު ހާޒިރުވެ ނެތީސް އަޅުގަނޑުގެ ކޮޓަރިންނާއި އަޅުގަނޑުގެ އަލަމާރިތަކުން އަޅުގަނޑުގެ ހުއްދައެއް ނެތި ސިފައިން އެއްވެސް ކަހަލަ ލިޔުމެއް، ރަސީދެއް އަޅުގަނޑަށް ދިނުމެއް ނެތި އަދި އަޅުގަނޑުގެ ޣައިރުހާޒިރުގައި އެއްވެސް އެނގުމަކާނުލައި ވަގަށް ނަގާފައިވާ އަޅުގަނޑުގެ މިލްކިއްޔާތުގައި ހުރި އަޅުގަނޑުގެ އަމިއްލަ ތަކެއްޗެވެ. ހަގީގަތުގައި މިކަން ކުރަން ޖެހޭނީ އަހުރެންގެ ހާޒިރުގައެވެ. ހުރިތާކުން ގެނެސް ހާޒިރުކޮށެވެ.
އެތަކެއްޗަކީ މިއެވެ.
1- މަންތިރި މަޖައްލާގެ އަސްލުކޮޕީއަކާއި މަންތިރި މަޖައްލާގެ ހުސްލެޓަރހެޑް ތަކެއް.
2- މަންތިރި މަޖައްލާގައި އަޅުގަނޑުލިޔެ ޝާއިޢުކޮށްފައިވާ މިދަންނަވާ މަޒްމޫގެ އަސްލުކޮޕީ. “03 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާ މިއޮތްގޮތަށް ތާރީޚްގެ ތެރެއަށްވަދެ ނިމޭނީތޯއެވެ؟”
3- ދުވަހުނޫސް ހަވީރަށް ލިޔެފައިވާ މި ދަންނަވާ މަޒްމޫނުގެ އަސްލުކޮޕީ. “ހަގީގީތޮށިގަނޑު ނޫންއެހެން ތޮށިގަނޑަކަށް ވަދެތިބެ ނޫސްވެރިކަމުގެ މަސްރަހު ނާމާންކުރަމުން ދަނީއެވެ.”
4- އަޅުގަނޑު ލިޔާ މަޒްމޫނުތައް ޖަހައިނުދީގެން ހަވީރުގެ އިދާރާއަށް ލިޔެފައިވާ ސިޓީއެއްގެ ކޮޕީއެއް.
5- މޮހޮރުބަޑީގެ ތިންވަޒަން.
6- އޭކޭ 47 ކްލަޝިންގކޯފް ބަޑިއަށް ލޯޑުކުރާ ލައިވް ވަޒަނުގެ ބޭނުންކޮށްފައިވާ ހުސްދެދޯރި.
7- ސްޓިލްފޮޓޯނަގާ ވައްތަރުގެ ފިލްމުލާފައި ހުންނަ ކަހަލަ ޕްލާސްޓިކް ދަޅުގެ ދެދަޅު ދިރޭރަހަ.
8- 03 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާގައި ހައްޔަރުކުރެވުނު ކަރޯއައްބާސް އާއި ބައެއް ދިވެހިންގެ ޝަރީޢަތް ހިނގާ ދިޔަގޮތާއި ޝަރީޢަތުގައި ދެކެވުނު ވާހަކަތައް އަކުރުން އަކުރަށް އަތުން ލިޔެފައި ހުރި ބައިވަރު ކަރުދާސްތައް. މިއެވެ!
ސިފައިން މިތަކެތީގެ އަސްލު ލިސްޓު ހަދާއި އަޅުގަނޑު ލައްވާ ސޮއިކުރުވީ، އެމީހުން އަތުގައި އޮތް މިތަކެތިީގެ ލިސްޓެއް ބަލައިގެން، އަޅުގަނޑު އެމީހުންގެ ކުރިމަތީގައި ބައިންދައި ގެންނެވެ. ކޮންމެ އެއްޗަކައި ވަކިވަކިން ސުވާލުކޮށް ހެދުމަށް ފަހުގައެވެ. ގެއިން މިތަކެތި ނަގާފައިވަނީ އަޅުގަނޑަށް ވަގަށެވެ. އަޅުގަނޑަށް އެއްވެސް ކަހަލަ އެނގުމަކާ ނުލައެވެ. އަޅުގަނޑު ޖަލުގެ ބަންދުގައި ބަހައްޓައި ގެން ޣައިރުހާޒިރުގައެވެ.
ޖަވާހިރުވާދީ ފެންޑާގައި ތިބެ އިއްޒަތްތެރި މެމްބަރުން ކުރާ މަޝްވަރާގެ ސުވާލުކުރުން:
26 ޑިސެންބަރ 1990 ވީބުރާސްފަތި ދުވަހަކީ، ސުވާލުކުރުމަށް ގޮޅިންނެރުނު ދުވަހެކެވެ. މިދުވަހު މެންދުރެއްހާއިރު ގޮޅިންނެރެގެން ގެންދިޔައިރު، ދޫނިދޫގައި ތަހްގީގުކުރުމަށް ހަދާފައިހުންނަ އިމާރާތުގައި ތަހުގީގުކުރުމަށް ވަރަށްބޮޑު މަޖިލީހެއް ތައްޔާރަށް ތިއްބެވިއެވެ. މިމަޖްލީހުގައި ތިއްބެވީ، އަލްފާޟިލް އަބްދުއްޝަކުރު އަބްދުﷲ (ކެޕްޓަން) އަލްފާޟިލް ތޯހާވަހީދު (ވޮރަންޓް އޮފިސަރ ގްރޭޑް 1) އަލްފާޟިލް ވ.ޅަހުއްތު (ސާޖެންޓް) އާއި އަލްފާޟިލް މޯރާތައުފީގާއި އަލްފާޟިލް މުހަންމަދު އިބްރާހީމް، ގދ.ރަތަފަންދޫ (އެއްފަށް އަރާފައި އޭރު) ދެން އިންނެވީ ބަޔާންތައް ލިޔުވާހަދާ ކާތިބެއްގެ ގޮތުގައި ގެންގުޅޭ ޝަފީގުއޭ ކިޔާ ޕްރައިވެޓު ބޭފުޅެކެވެ.
މިޓީމުގައި އިސްކޮށް ވެރިއަކަށް އިންނެވީ، އަބްދުއްޝަކޫރު އަބްދުﷲ އެވެ. ދެން މަސައްކަތުގައި ނަގާކިޔަން އުޅުއްވީ، މުހަންމަދު އިބްރާހީމާއި މޯރާތައުފީގެވެ. ފުރަތަމަ ސުވާލުކުރަން ފެއްޓެވީ، ޝަކޫރެވެ. ފުރަތަމަ ސުވާލަކީ މިއެވެ! މާފަންނު ޖަވާހިރުވާދީއަށް ވަންނަ މީހުން، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނޫން މީހުން ވެސް ދައްކަވާ ވާހަކަތައް އަޑުއިވޭހިސާބުގައި ފެންޑާމަތީގައި ހުންނަބޮޑު ސަރަންފީއެއްގައި އިލްޔާސް އަބަދުވެސް އޮންނަވާކަމަށް ތިމަންނާ މެންނަށް ވަނީ ޚަބަރު ލިބިފައެވެ. ސިފައިން ސުވާލު ކުރާ މި ބޮޑުސަރަންފީ އަކީ ބައްޕަނިޔާވުމަށް ފަހު އަބަދުވެސް އަޅުގަނޑު އިށީނުމަށް ބޭނުންކުރާ ޚާއްސަ ސަރަންފިއެވެ.

އެސަރަންފީ ކައިރީގައި ހުންނަ އުނދޯލީގައި އިންނަވަނީ، ޑޮކްޓަރ މުހަންމަދު ވަހީދުހަސަން މަނިކު މާލޭގެ އިއްޒަތްތެރި މެންބަރެވެ. އެތާނގައި ދެކެވެނީ ކޮންވާހަކަ ތަކެއް ތޯއެވެ؟ އެތަނަށް ވަދެއުޅެނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް ތޯއެވެ؟ އަލްފާޟިލް ގާސިމް އިބްރާހީމާއި އަލްފާޟިލް މުހަންމަދު ލަތީފް (ގޯގޯ) އާއި އަލްފާޟިލް ވަށަފަރު އާދަންބެއާ މިފަދަ ބައެއް އިއްޒަތްތެރި މެންބަރުން ޑޮކްޓަރ ވަހީދު އަރިހަށް، ޖަވާހިރުވާދީއަށް ވަންނަވާ ނޫންތޯއެވެ؟ އެތާގައި ތިބެ އެންމެން ސައްލާކުރޭ ނޫންތޯއެވެ؟
އެވާހަކަތަކުހައި ރައްޔިތުންގެ މަޖިލީހަށް ކޮން ކަމަކާގުޅޭ ކޮންވައްތަރެއްގެ ބިލެއް ހުށަހެޅުމަށްތޯ ސައްލާތައްކޮށް ދެކެވެނީ ބެނެދޭށެވެ! ސާފުކޮށް ކިޔައިދޭށެވެ. ރަނގަޅަށް އިލްޔާސަށް އެނގޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރުނެތް ކަމުގެބިލެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމާ މެދު ކޮންކަހަލަ މަޝްވަރާ ތަކެއްތޯ ކުރެވުނީ އިލްޔާސަށް އެނގޭނެއެވެ! ބުނެދޭށެވެ! ބިރުގަންނަވަމުން ތަކުރާރުކޮށް މިފަދަ ސުވާލުތަކެއް ކުރެއްވިއެވެ.
މީހަކަށްފަހު މީހެއް މިބާވަތުގެ ސުވާލުތައް އަޅުގަނޑާ ކުރަން ފަށައިފިއެވެ! އަޅުގަނޑު ދަންނަވަމުން ގެންދިޔައީ މަޖިލީހަށް ބިލެއް ވެއްދުމާމެދު އެއްވެސް ބަޔަކު ވާހަކަތަކެއް ދެއްކި އަޑެއް އަހުރެން ނާހަމެވެ. ގޭތެރޭގައި ވަރަށްގިނަ ވާހަކަތައް ދެކެވެއެވެ. ޑޮކްޓަރ ވަހީދު މާލޭމެމްބަރު އަރިހަށް ވަރަށްގިނަ މީހުން ވަޑައިގަންނަވާ ހައްދަވައެވެ. ތިޔަވިދާލުވި ބޭފުޅުންގެ އިތުރަށް ދޮންފަނު މުހަންމަދު ޔޫސުފް އާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި ކޮލިހަސަން މަނިކުވެސް ބައެއްރޭރޭ ވަޑައިގަން ނަވައެވެ.
އަދި ވެސް މިފަންތީގެ ވަރަށްގިނަ އިއްޒަތްތެރީން ވަޑައިގަންނަވައެވެ. އެހުރިހާބޭފުޅުން ދައްކަވާ ވާހަކަތައް އަޅުގަނޑަކަށް ނޭގެއެވެ. އަދި އިވުނަސް ހަނދާނެއް ނުހުރެއެވެ. ތިޔަވިދާޅު ވަނީ، އަޅުގަނޑު އޮންނަ ސަރަންފީއެއްގެ ވާހަކައެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕަނިޔާ ވުމަށް ފަހު، އެސަރަންފީ ބޭނުންކުރަނީ އަޅުގަނޑެވެ. އެހެން މީހަކު އެސަރަންފީގައި އިށީދެއެއް ނުހަދާނެއެވެ. ތެދުފުޅެކެވެ. އުނދޯއްޔާ އެންމެކާރީގައި ޖަވާހިރުވާދީގެ ދެކުނުފަރާތުގެ ފެންޑާގައި ހުންނާނީ އެސަރަންފީއެވެ. ދެން އޭގެ އިތުރަށް ކުދިސަރަންފީގެ ތިން ސަރަންފީ ޖެހިގެން ހުންނާނެއެވެ. ތިޔަބޭފުޅުންގެ ޖާސޫސީ މައުލޫމާތުތައް ވަރަށް ބަރާބަރެވެ.
ދެން ދައްކާލީ ޖަވާހިރުވާދީގެ އެފެންޑާގެ ކުރެހުމެކެވެ. ގޮނޑިތަކާއެކު ކުރަހާފައިއޮތް ކަރުދާސް ގަނޑެކެވެ. އެބޭފުޅުން ވަޑައިގެން ތިއްބެވީ، ޖަވާހިރުވާދީގެ ޗާޓެއް ކުރައްސަވައިގެން ގެނެހެވެ. މިވާހަކަތަކަށް ފަހު، ދެން ސުވާލު ކުރަން ފެއްޓެވީ، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމާއި ކޮއިމަލާ ލާންޗްގައި ގޮއްވާލި ހޯމްމޭޑު، ގެވެހި ކަޓޫރަބޮމުގެ ވާހަކަތަކާ ގުޅޭ ސުވާލުތަކެވެ.
އިލްޔާސްގެ ކޮއްކޮ އަހްމަދު ރަޝީދު ހަންދު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމުގެ ވާހަތައް އޭނާވަނީ އިލްޔާސްގެ ކައިރީގައި ބުނެފައިކަމާ، އޭނާއެކަން ކުރިގޮތްތައް އިލްޔާސަށް އެނގޭކަން މިތަނަށް ވަނީ، ސާފުކޮށް އެނގިފައި ކަމަށް، ވ.ޅަހުއްތު ހަރުއަޑުން އަޅުގަނޑާ ދިމާއަށް ވިދާޅުވެއްޖެއެވެ. އެންމެންހެން އެކުގައި މިކަންތައް ސާފުކޮށް ކިޔައިދިނުމަށް އަޅުގަނޑު ގާތުން ތަކުރާރުކޮށް އެދެން ފަށައިފިއެވެ. އެކި ގޮތްގޮތަށް ބިރުދެއްކުމަށް ފަހު، ވަރަށް ސާފުކޮށް ހަގީގަތާއެއްގޮތަށް ތެދުވެރިކަންމަތީގައި މި ވާހަކަތައް ކިޔައިދޭން އަޅުގަނޑަށް އަމުރުކޮށް އަންގައިފިއެވެ.
އެހެންނޫނީ ޖެހޭނީ ބޮޑެތި އަދަބުތަކާ ކުރިމަތިލާން ކަމަށްވެސް އިންޒާރުދީ އަންގައިފިއެވެ. އެކިއެކިކަހަލަ އިންޒާރުދީ ބިރުދައްކަންވެގެން ފާޑުފާޑުގެ ވާހަކަތައް އެކިބޭފުޅުން އަޅުގަނޑާ ދިމާއަށް އިޝާރަތްކޮށް ބުނެލާހަދައެވެ. އަޅުގަނޑަށް ވަގުތު ލިބުމުން، އަޅުގަނޑު ފަސްނުޖެހި ވަގުތުން ޖަވާބުދީފީމެވެ! ހަންދު ގޮއްވާލިއޭ ތިޔަވިދާޅުވާ ބޮމުގެ އެއްވެސް ޚަބަރެއް އަދި މައުލޫމާތެއް އެއްވެސް މިންވަރަކަށް އަޅުގަނޑަށް ލިބިފައެއް ނުވެއެވެ. އަޅުގަނޑު މިހުންނަނީ ޖަލުގައި ބަންދުވެފައެވެ.
އަދި ހަންދު އެވާހަކަ އަޅުގަނޑު ގާތުގައި އެއްވެސް އިރެއްގައި ބުނެފައެއް ވެސް ނެތެވެ. ތިޔަވިދާޅުވަނީ ބޮޑުދޮގެކެވެ. އަޅުގަނޑުމެންގެ ގެ ޖަވާހިރުވާދީ އަކީ، ވަރަށްގިނަބޭފުޅުން ވަދެނުކުމެއުޅޭ ގެއެކެވެ. އިޖްތިމާޢީ އަދި ސިޔާސީ ބޮޑުވާދީއެއް ކަހަލަތަނެކެވެ. ބައްޕަގެ ހަޔާތުގައި އޯކިޑް ސްޕޯޓްސް ކްލަބް ހިންގީ ޖަވާހިރުވާދީ ގައެވެ. ޖަވާހިރުވާދީ އަކީ އެޒަމާނުގައި އައްޑޫ ބޮޑެތި ބޭފުޅުން ވެސް ޖަމާވާ މަރުކަޒެކެވެ. މިހާރުވެސް އެގެއަކީ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވެސް ގިނައިން ވަދެއުޅުއްވާ ގެއެކެވެ.
އަދި ރާއްޖޭގެ ގަދަރުވެރިންނާއި އަވަށުގެ ބޮޑުންނާއި ސިޔާސީބޭފުޅުން ވަންނަވާ ގެއެކެވެ. ގާސިމުވެސް ގޯގޯވެސް އަދި އެހެން އިއްޒަތްތެރި ބޭފުޅުންވެސް ވަދެއުޅުއްވާ ގެއެކެވެ. އެ ބޭފުޅުންވަދެ ހައްދަވަނީ ގަޑިކިޔައި ގެނެއް ނޫނެވެ. އެޕޮއިންޓުމެންޓު ހައްދަވައި ގެނެއްނޫނެވެ. އެހެންވެ މިކަން ހިނގަނީ، ރާވައިގެން މަޝްވަރާތަކެއް ކުރެވޭ ގޮތަކަށް ނޫނެވެ. އެއްބަޔަކު ވަންނާނެއެވެ. އަނެއްބަޔަކު ނުކުމެގެން ދާނެއެވެ.
އަލްފާޟިލް އާދަންޒާހިރާއި އަލްފާޟިލް އިސްމާޢީލް ޝަފީޢުމެން ފަދަބޭފުޅުން މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންނަށް އުޅުއްވިއިރު އަބަދުވެސް އެބޭފުޅުން ޖަވާހިރުވާދީ ތެރެއިން ފެންނަހަނދާން އަޅުގަނޑު ހުރެއެވެ. މިކަން ހިނގަނީ މިކަހަލަ ގޮތަކަށެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައަކީ ވަރަށް އިޖްތިމާޢީ ބޭފުޅަކަށް ވާތީ އޭރު ޖަވާހިރުވާދީ އަކީ ހުރިހާ ފަންތިއެއްގެ މީހުންވަދެ އުޅޭ ބޮޑުވާދީއެކެވެ. ކުލަބެކެވެ. އެ އެންމެން ދައްކާހާ ވާހަކަތަކެއް އަޅުގަނޑުގެ ސިކުނޑީގައި ހަރުލާފައެއް ނުހުރެއެވެ.
ޖަވާހިރުވާދީއަށް ވަންނަވާ ހުރިހާ ބޭފުޅުން ދައްކަވާ ހުރިހާ ވާހަކަތަކަކީ އަޅުގަނޑުގެ ސިކުނޑީގައި ބިންވަޅުނަގާފައި ހުންނާނެ އެއްޗެއް ނޫނެވެ. އަޅުގަނޑުގެ ސިކުނޑިއަކީ، ކޮންޕިއުޓަރެއްގެ ހާޑުޑިސްކެއް ނޫނެވެ. މިއީ ޗިޕެއްޖަހާފައި އިންނަ މަޞްނޫޢީ އެއްޗެއް ނޫނެވެ. އަދި އެހުރިހާ ވާހަކަތަކެއް ކަރުދާސްކޮށް ޖަމާކުރެވިފައެއް ވެސް ނެތެވެ. ނޯޓްކޮށް ހެދިފައެއް ވެސް ނެތެވެ. ބެހެއްޓޭނީ ނޯޓްކުރެވުނު ނަމަތާއެވެ! އަޅުގަނޑަށް ސާފުކޮށް އެނގޭހާވެސް އެއްޗަކީ، ވަކިގަޑިއަކަށް ވަކިބަޔަކުވަދެ ރޭވިގެން ޖަލްސާތަކެއް ނުހިނގާކަމެވެ. މަޝްވަރާތަކެއް އެޖެންޑާ ކުރެވިގެން ނުހިނގާކަމެވެ. ވަކިކަމަކާ ގުޅިގެން ޚާއްސަ މަޝްވަރާތަކެއް ވެސް ނުކުރެވޭކަމެވެ.
ރައީސް މައުމޫގެ މައްޗަށް އިތުބާރު ނެތްކަމުގެ ބިލެއްގެ ވާހަކައެއް ދުވަހަކުވެސް ނާހަމެވެ. މިގޮތަށް ޝަކޫރުމެންނަށް ތަކުރާރުކޮށް ދެންނެވުމުން، ޝަކޫރު ވިދާޅުވީ، އިލްޔާސްގެ މައްޗަށް އަދަބުބޮޑު ކުރެވިދާނެ ކަމަށެވެ. ވ.ޅަހުއްތާއި މޯރާތައުފީގު އަދި ހ.މުގުރިގޭ ތާހާވަހީދު އަޅުގަނޑަށް ތަފާތު ވައްތަރުގެ އިންޒާރު ދެއްވާއި ބިރުދެއްކިއެވެ. ޖަވާހިރުވާދީ މީހުންގެ އާއިލާއަށް ނިސްބަތްކޮށް ހަޑިހުތުރު ވާހަކަތައް ހަދަހަދައިގެން ދެއްކެވިއެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައަށް އެމީހުން މަލާމާތް ކުރެއްވިއެވެ.
މިވާހަކަތަކަށް ފަހު، ޝަކޫރު ތެދުވެގެން އެތެރެއަށް ވަޑައިގެން ފިއެވެ. ދެން ތަހްގީގު މޭޒުދޮށުގައި ތިއްބެވި މީހުންގެ ތެރެއިން، އަޅުގަނޑާ ވާހަކަދައްކަން ފެއްޓެވީ މުހަންމަދު އިބްރާހީމެވެ. މިއީ މާހަރުކަށިކަން ދެއްކި ޗާލާކުވެގެން އުޅުނު ނުބައިނުލަފާ މީހެކެވެ. ކުރިންވެސް އެހެން މީހުންކުރެއްވި ސުވާލުތަކާއި އިތުރު ސުވާލުތައް މީނާ، އަޅުގަނޑާ ކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގައި ހުންނަ އަޅުގަނޑުގެ މޭޒުމައްޗަށް އިލްޔާސް ސަޓޯގެ މަޝްހޫރު ބޮޑު ޚިޔާނާތުގެ ކެސެޓްރޯލް ލިބުނުގޮތާ ބެހޭ ސުވާލުތައް ވެސް ތަކުރާރުކޮށް މީނާ އަޅުގަނޑައި އަލުންބަލުންކޮށް އެތައްފަހަރަކު ތަކުރާރު ކުރައްވައިފިއެވެ. މިހާގިނަ ވާހަކަތައް ކެސެޓްރޯލާބެހޭ ގޮތުން ދައްކަންފެށީމާ މިއުޅެނީ ހަންދުއާއި ވިންޓަރ ޝަރީފްގެ ފަރާތުން ކޮންމެވެސް މައުލޫމާތެއް ލިބިގެންކަމުގައި އަޅުގަނޑަށް ވަރަށްޝައްކު ކުރެވިއްޖެއެވެ.
އަދި މިވެރިންނަށް މިއުޅެނީ މިވާހަކަ ލިބިގެންކަން ފަހުން، ގޮޅީގައި އިނދެ ވިސްނާލުމުން، އަޅުގަނޑަށް ޔަގީން ކުރެވިއްޖެއެވެ. ވިންޓަރ ޝަރީފް ބަންދުކުރުމާއެކު ވަރަށް ތަފްސީލުކޮށް އޭނާ އެކަމުގައި ކުޅުނުރޯލު ވަނީ އޭނާ ތަހުގީގަށް ކިޔައި ދީފައެވެ. އެހެނަސް ސިފައިންނަށް މިކަން ގަބޫލުނުކުރެވޭތީ އެންމެބޮޑަށް އަޒާބުދެއްކީ ވިންޓަރަށެވެ. މިދުވަސްކޮޅު ހަންދުއާއި ވިންޓަރު ގެންގުޅެނީ އަނދަގޮނޑީގައި ޗޭނުޖަހައިގެން ކުޑަގޮޅީގައެވެ. އެއީ އެމީހުންބޭނުންވާ ގޮތަށް އެންމެއަޑި ހޯދުމަށް ދެއްކި އަހުވާއެވެ. ދިން އަނިޔާއެވެ. އަޅުގަނޑު އަތުން ވާހަކައިގެ އެތިކޮޅެއް ހޯދައިގެން ގޮސް ހަންދުކައިރީގައި އަހަނީއެވެ. ޗޭނުގައި ބާއްވައިގެން ސުވާލު ކުރަނީއެވެ.
ދެން ހަމަ އެގޮތަށް ވިންޓަރާ ވެސް އެމީހުން އެކިބައިބަޔަށް ބެހިލައިގެންގޮސް އަޒާބުގައި ބާއްވައިގެން އިތުރު ސުވާލުތައް ކުރަނީއެވެ. އެ ދެމީހުންނަށް މިކަމުގައި ވަރަށް ބޮޑަށް އަނިޔާކުރިއެވެ. މުޅި އުމުރުގައި ވެސް އެއަނިޔާގެ އަސަރުތައް ނުފިލާ ހުންނާނެއެވެ. ޖަލުތެރޭގައި ބޮޑު ކަންތައްގަނޑެއް އެއްފަހަރާ އެބަ ހިންގައެވެ. އެކި މީހުން އެކިފަހަރާ ގޮޅިން ނެރެގެން ގެންގޮސް ޖަލުތެރެއަށް ގެނެސް ހަދައެވެ. މިމަންޒަރު އަހުރެންނަށް ފެނެއެވެ.
ބައެއްފަހަރަށް އަޅުގަނޑު ބޭރަށްނެރެފައި އަތްގަނޑު ނެތް ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދައި އަނެއްކާ ވެސް އެތެރެއަށް ތަހްގީގުކުރާ ތަނަށް ވައްދާހަދައެވެ. ރޭގަނޑުން ބަޔަކާއެކު މިއަދުގެ ތަހްގީގު މިގޮތަށް ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑާ ބައިވަރު ސުވާލުތައް މިކަންކަމާ ގުޅިގެން ތަކުރާރުކޮށް ކުރަމުން ގެންދިޔައެވެ.
އަޅުގަނޑަށް ޚަބަރު ލިބުނުގޮތުގައި މިހާތަނަށް ހަންދު އާއި ވިންޓަރ ޝަރީފު އަނދަގޮނޑީގައި ގެންގުޅޭތާ ހަފްތާއެއްވަރު ވެދާނެއެވެ. ތަހުގީގު ކޮޓަރިން ބޭރަށް ނެރުނު ފަހަރެއްގައި ގޮނޑީގައި އިނދެ އަޅުގަނޑު ވަރަށް ވިސްނުމަށް ފަހު، ﷲއަށް ތަވައްކުލުކޮށް އަޒުމްކަނޑައަޅާ ނިންމިގޮތަކީ، ކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތް ރަނގަޅަށް ތެދުތެދަށް ތަހުގީގުޓީމަށް ކިޔައިދޭށެވެ. އޭރުން ފަހަރުގައި ހަނދުއަށް ވިންޓަރަށް ލުޔެއް އަތުވެދާނެކަމަށެވެ.
އިލްޔާސް އާއި ސަޓޯގެ ސިއްރު ވާހަކައިގެ ރެކޯޑިން ކެސެޓްރޯލް ލިބުނުގޮތް ތަހުގީގަށް ހާމަކުރުން:
އަޅުގަނޑަށް އިލްޔާސް އާއި ސަޓޯގެ ވާހަކައިގެ ރެކޯޑިން ކެސެޓްރޯލް ލިބުނުގޮތް ތަހުގީގަށް ހާމަކުރުމުގެ ގަޑި ޖެހުނީކަމަށް އަޅުގަނޑު ނިންމައިފީމެވެ. މިގޮތަށް މިކަން ކޮށްގެންނޫނީ ހަންދުމެންގެ އަދަބުލުއި ނުވާނެކަން އަޅުގަނޑަށް އަންނަމުންދާ އިންޒާރުތަކާއި ސުވާލުތަކުން އަޅުގަނޑަށް އިލްހާމްވާން ފަށައިފިއެވެ. ބައެއް ހުވަފެން ވެސް ފެނިއްޖެއެވެ. ހިތާއިހިތުން މިކަން މިގޮތަށް ކުރަން ޢަޒުމްކަނޑައަޅާ މުޅިން ނިންމައިފީމެވެ. އަޅުގަނޑުގެ ޒަމީރު އެގޮތަށް ރުހިއްޖެއެވެ.
ކޮންމެހެންވެސް މިކަންތައްގަޑުގެ ތެރެއަށް އަޅުގަނޑު ވަދެގެންނޫނީ ކޮއްކޮމެންނަށް ދެމުންދާ އަޒާބަށް ލުޔެއްނެތްކަން ހިތުގެއަޑިން އަޅުގަނޑަށް ގަބޫލް ކުރެވިއްޖެއެވެ. އަންނި ވެސް މީގެތެރެއަށް އެމީހުން ވައްދާނެކަން އަޅުގަނޑަށް ވިސްނި ކަށަވަރު ވެއްޖެއެވެ. ސިޔާސީގޮތުން ވެސް އެއީ ކުރިއެރުމަކަށް ވެދާނެހެން ހީވާން ފަށައިފިއެވެ. އަޅުގަނޑުމެން ސިޔާސީ މީހުންނަށް މީގެ ތެރެއަށް ވަންނަށް ސިޔާސީގޮތުން ވެސް މަޖްބޫރު ވެއްޖެއެވެ.
ހަގީގަތުގައި ވެސް އަޅުގަނޑަށް، ހަންދު ގޮއްވާލި ކަޓޫރަބޮމުގެ އެއްވެސް މައުލޫމާތެއް ސީދާކޮށް ހަނދުގެފަރާތުން ލިބިފައެއް ނެތެވެ. އަންނިއަށް އެނގޭކަމުގެ ހަގީގަތެއް ނޭނގެއެވެ. ސައްޕެއާއި އަންނި ގާތުގައި ހަންދު ބެނެފައި ފަހަރުގައި އޮވެދާނެއެވެ. އެހެނަސް ސިޔާސީގޮތުން މީގެތެރެއަށް އަޅުގަނޑުމެން ވަދެގެންނޫނީ ދާއިމީ ރަނގަޅު ހައްލެއް އެކުދިންނަށް ވެސް އަދި ދިވެހިރާއްޖެއަށް ވެސް ނުލިބޭނެކަން މިހާހިސާބުން ކަށަވަރުވުމުން، އަޅުގަނޑު ގަސްދުގައި މީގެތެރެއަށް ވަދެ، ހަންދުމެން ގޮއްވާލި ކަޓޫރަބޮމުގެ މައުލޫމާތު އަޅުގަނޑަށް އެނގޭކަމަށް ބުނާށެވެ. ދެން އެއްބަސްވީއެވެ.
ހަންދުމެންނަށް ލުޔެއް އަންނާނީ މިކަންތައްގަޑުގެ ތެރެއަށް ތަހުގީގުން ވައްދަން ބޭނުންވާ ސިޔާސީމީހުން ރީތިކޮށް މީގެތެރެއަށް ވަދެގެންކަން ޔަގީންވި ހިސާބުން އެހެން ހެދީ ރަނގަޅު ނަތީޖާއެއް ނެރުމުގެ ބޭނުމުގައެވެ. ބައިނަން އަގްވާމީ މުޖްތަމަޢުން މިކަމުގެ ތެރެއަށް ވަދެ، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަބޭރުގެ ޖަމާއަތްތައް ވެސް، ދިވެހިރާއްޖޭގައި ހިންގާ އިންސާނީ އަނިޔާވެރި ސިޔާސަތުތަކުގެ ތެރެއަށް ބޮޑުކޮށް ވެއްދުމަށެވެ.
އެމީހުންގެ ފާރަވެރިކަމުގެ ދަށަށް ދިވެހިރާއްޖޭގެ ސިޔާސީ އަނިޔާވެރި މަސްރަހު ގެނައުމަށެވެ. އަދި މިކަންތައްގަނޑު އަވަހަށް ނިމޭނީ އަޅުގަނޑުމެން ސިޔާސީމީހުން ވެސް މިކަމުގެ ތެރޭގައި ތާށިވެގެންކަން ވަރަށްރަނގަޅަށް އަޅުގަނޑަށް ގަބޫލުކުރެވި ވިސްނިއްޖެއެވެ. އަދި ތަހުގީގުޓީމުގެ ވިސްނުމާއި މަގްސަދަކީވެސް މީކަން ވަރަށް ސާފުކޮށް އަޅުގަނޑަށް ކަށަވަރުވުމާ ގުޅިގެން ތަހުގީގަށް ވެއްދި ފަހަރެއްގައި ތަހުގީގުޓީމަށް އެރޯލު (އިލްޔާސް ސަޓޯގެ އެފްޕީއައިޑީ ވައްކަމާގުޅޭ އެދެމީހުން ދެއްކި ވާހަކަތަކުގެ ރެކޯޑިން) އަޅުގަނޑުއަތަށް ލިބުނުގޮތް ސީދާކޮށް ކިޔައިދޭން ނިންމައި ފީމެވެ. އަދި ތަހްގީގަށް އެކަން ވރސް ހަގީގަތަށް ބުނެދީފީމެވެ.
އޭ! މުހަންމަދު އިބްރާހީމެވެ! މިފަހަރު މިއައި އަޅުގަނޑަށް އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތު ތެރޭގައި އާންމުވި، އިލްޔާސް އާއިސަޓޯގެ ސިއްރު ވާހަކަތަކުގެ ކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތް ތަފްސީލުކޮށް ކިޔައިދޭށެވެ. އަޑުއައްސަވާށެވެ! މިތާތިއްބެވި އެންމެންވެސް ވަރަށް ސަމާލުކަމަށް އައިސް އަޑުއެހުމަށް ހިމޭނުން ތިބެއްޖެއެވެ. އިލްޔާސާއިސަޓޯގެ މަޝްހޫރު މިކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތް ވާނީ ކުރިން ކިޔައި ނުދީ ސިއްރެއްގެ ގޮތުގައި އަޅުގަނޑު ހިފާއްޓާފައެވެ.
އެހެނަސް އެރޯލް ލިބުނުގޮތް ތެދުވެރިކަމާއެކު މިހާރު މިކިޔައި ދެނީއެވެ. ރަނގަޅަށް އަޑު އައްސަވާށެވެ! އަޅުގަނޑުގެ ކޮއްކޮ އަހްމަދު ރަޝީދު ހަންދުއަށް ވިންޓަރ ޝަރީފް އަތުން މިކެސެޓްރޯލް ލިބުނީމާ އަޅުގަނޑަށް ދޭންވެގެން ހަންދު އައީ ސިޓީއުރައަކަށް ލައިގެން، އޭތި ހިފައިގެން އިސްލާމީ މަރްކަޒަށެވެ. އެވަގުތު އަޅުގަނޑު ރަސްމީމޭޒުގައި ނެތުމުން އޭނާ ހެދިގޮތަކީ ކެސެޓްރޯލް ލާފައި އޮތް ސިޓީއުރަ އަޅުގަނޑުގެ މޭޒުމަތީގައި ބާއްވާފައި އެނބުރި ދިޔައީއެވެ.
އަދި އެރޭ ހަންދުއައި ގެއިން ދިމާވުމުން އެއީ އޭނާ އިސްލާމީ މަރުކަޒަށް ގެންދިޔަ ކެސެޓްރޯލެއްކަމާ، ދޮންބެ ނެތުމުން މޭޒުމަތީގައި ބޭއްވީކަމަށް ހަންދު، އަޅުގަނޑަށް ކިޔައި ދިނީއެވެ. އެހެނަސް ކުރީފަހަރުގެ ތަހުގީގުގައި އަޅުގަނޑު ވާނީ، އަޅުގަނޑުގެ މޭޒުމައްޗަށް މިރޯލު އައިގޮތް އެއްގޮތަކަށް ވެސް އަޅުގަނޑަށް ނޭންގޭކަމަށް ބުނެ އެކަން ސިއްރުކޮށް ފައެވެ. މިދޮގު ތަހުގީގުގައި މިގޮތަށް އަޅުގަނޑު ހަދަން ޖެހުނީ، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. ފުރާނައަށް ބިރަށް ކަމުގައި ބުނީމެވެ.
އަދި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހަންދު އާއި އެހެން ކޮއްކޮމެން ސަލާމަތް ކުރުމަކީ، އަޅުގަނޑުގެ ނަފްސުދިފާޢު ކުރުން ކަމުގައި ދެކިއެވެ. މިވާހަކަތައް މުހަންމަދު އިބްރާހީމަށް އަޅުގަނޑު ކިޔައިދިނުމުން އޭނާ ވަރަށްބޮޑަށް އުފާވެއްޖެކަން އޭނާގެ މޫނުމަތިން އަޅުގަނޑަށް ދިރާސާކުރެވި، އިހްސާސް ކުރެވިއްޖެއެވެ. ވަރަށް އަވަސްއަވަހަށް އެވާހަކަ އަޅުގަނޑު ކިޔައިދިންގޮތަށް އޭނާ ނޯޓްކޮށްފިއެވެ.
ހަންދުއަށް ވިންޓަރޝަރީފު އަތުން އެރޯލް ލިބުނުގޮތާއި ވިންޓަރޝަރީފް މިކަން ކުރެއްވިގޮތް ވެސް އަޅުގަނޑުގާތުން ސާފުކުރެވޭތޯ ވަރަށްގިނަ ސުވާލުތައް ކުރެއްވިއެވެ. މިސުވާލުތަކަށް އަޅުގަނޑު އިންކާރުކޮށް ވިންޓަރު މިކަން ކުރެއްވިގޮތް، އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭކަމަށް ދެންނެވީމެވެ. ވިންޓަރު މިތާނގައި އަނދަގޮނޑީގައި އެބައޮތެއް ނޫންތޯއެވެ! އޭނާއާ ތިޔަސުވާލުތައް ކުރެއްވުން ބުއްދިވެރިވާނެ ކަމަށް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަށް މިކަން އޭރު އެނގިހުރެ ވެސް މިވާހަކަތައް ކިޔައިނުދީ އަނެއްކާވެސް ސިއްރު ކުރީއެވެ. މިއީ މިފަހަރު އަޅުގަނޑުގެ ހިތަށް އެރި ގޮތެވެ. ބޭނުމަކީ ވިންޓަރު ކުރިކަމެއްގެ ވާހަކަ ވިންޓަރު ލައްވާ ތަގްގީގަށް ކިޔުވާށެވެ.
ވިންޓަރާބެހޭ މިވާހަކަތައް އެންމެފުރަތަމަ އަޅުގަނޑުގެ ފަރާތުން ލިބިގެންނުވާނެ ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވުނީމާ މިހެންހެދީ ގަސްދުގައެވެ. ވާހަކަ ގިނަވެ ތަހުގީގު ވެސް ދިގުލާނެތީއެވެ. ކުރިން އަޅުގަނޑު ނުދީ ހިފާއްޓާފައި ހުރި މައުލޫމާތުތަކެއް ތަހުގީގަށް ލިބުމުން މުހަންމަދު އިބްރާހީމް ވަރަށް އުފާކޮށް އެހިސާބުން އެވަގުތައް ތަހުގީގު ހުއްޓާލައްވާފައި އެބޭފުޅުންގެ މަޝްވަރާއަށް މެދުކަނޑާ ލެއްވީއެވެ.
މިއީ އޭނާއަށާއި އޭނާގެ ކުރިއެރުމަށް ލިބުނު ކުރިއެރުމެއްކަން އޭނާގެ އަމަލުތަކުން އަޅުގަނޑަށް އެނގުނެވެ. އަދި ފަހުންޔުނީފޯމުން އެކަން ފެނުނެވެ. ތަހުގީގަށް އޮޅުވާލައިގެން ދޮގުހަދާފައި ވާތީ އެކަންސާބިތު ވުމުން އަޅުގަނޑަށް އިތުރު ހުކުމެއް އަންނާނެކަން އަޅުގަނޑަށް އެނގޭހާލު ވެސް މިކަން ގަސްދުގައި އަޅުގަނޑު ކުރީއެވެ. އޭރު އެންމެ ބޮޑުކޮށް ދޮގަށް އޮންނަނީ ހަމަހު ޖަލު ބަނދުގެ އުގޫބާތެކެވެ. ދެން އަޅުގަނޑު ގެންގޮސް ގޮޅީގައި އަނެއްކާ ވެސް ބަންދުކުރީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ.
ހަމަ މިދުވަހުގެ ރޭ އަނެއްކާ ވެސް ދެން ނެރުނީ ރޭގަނޑު އެގާރަޖެހި ފަހުންނެވެ. ކަމަކުދާކަށް ނެތެވެ. ތަހުގީގުއޮތީ އޭގެއެންމެމަތީގެ ގިޔަރަށް އުފުލާފައެވެ. ތަހުގީގުމޭޒުދޮށަށް ގެންދިޔައިރު ކުރިމަތީގައި ހުރި މޭޒެއްގެމަތީގައި އެކިވައްތަރުގެ ބިޑީގެ މައުރަޒެއް ހުޅުވާފައި އޮތެވެ. ދުނިޔޭގައި ލެއްވި ހުރިހާވައްތަރެއްގެ ބިޑިތަކެއް ގަނެގެން ގެނެސް އަތުރާފައި ހުއްޓެވެ. އެކިފާޑުފާޑުގެ ބިޑިތައް ފެންނަން ހުއްޓެވެ. އަލަށް އޯޑަރކޮށްގެން ގެނެސްފައި ހުރި ވަރަށްއާ ބިޑިތައްވެސް ޕެކިންގނާ އެކު ފެންނަންހުއްޓެވެ.

އަދި ފޮށިން ނެގިގޮތަށް ޕްލާސްޓިކްއުރަ ކަނޑާނުލާ ބަހައްޓާފައި ހުރި ބިޑިތައް ވެސް ފެންނަން ހުއްޓެވެ. ބިޑީގެ ދިހަވަރަކަށް ވައްތަރު ފެންނަގޮތަށް ދައްކާލަން ބަހައްޓާފައި ހުއްޓެވެ. މިފަހަރުވެސް ފުރަތަމަ ސުވާލު ކުރެއްވީ، އިސްކޮށް އިންނެވި ޝަކޫރެވެ. ވިދާޅުވިއެވެ. އިލްޔާސް މިގެނެވުނީ ބުނާނެ އިތުރުއެއްޗެއް އޮތްތޯބަލާށެވެ. އިތުރަށް ބުނާނެއެއްޗެއް ނެތޭ ދެންނެވުމުން، މިތާގައި މިހިރި އެކިއެކި ވައްތަރުގެ ބިޑިތަކުން ބިޑިއެއް އެޅުވިދާނޭ ޝަކޫރު ވިދާޅުވެއްޖެއެވެ. ދެތިންފަހަރު އަދަބު ބޮޑު ކުރެވިދާނެ ކަމަށް ކޯފާވެފައި އަޅުގަނޑާ ދިމާއަށް ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ބިޑިއެޅުވުން:
އަޅުގަނޑަށް ޖަވާބުދޭން ވިދާޅުވުމުން، އަޅުގަނޑު ދަންނަވައި ފީމެވެ. އަޅުގަނޑުގެ ސިކުނޑީގައި ނެތްވާހަކަތަކެއް ހަދަހަދައިގެން އަޅުގަނޑަށް ކިޔައިދެވޭކަށް ނޯންނާނެއެވެ. މިހެން ދެންނެވީމާ، ސުލައިމާނު ސަރުދާރަށް ޝުކޫރު ގޮވާލައްވާފައި ވިދާޅުވަނީ، މީނާގެ އަތުގައި ބިޑިއަޅުވާށެވެ. އަޅުވަންވީ ވައްތަރު ވެސް ސުލައިމާނު ގާތުގައި ޝަކޫރު ވިދާޅުވެއްޖެއެވެ. ޝަކޫރު ބިޑިއަޅުވާށޭ ވިދާޅުވުމުން ހަމަ އެވަގުތު، ބިޑިއެއްނަގައި އަޅުގަނޑުގެ ދެއަތްއެއްކޮށް ކުރިމައްޗަށް ވާގޮތަށް ސުލައިމާނު، އެބިޑި އަޅުވައިފިއެވެ.
މުޅިހަޔާތުގައި ވެސް މިއީ ބިޑިއެއް އެޅުވި ފުރަތަމަ ފަހަރެވެ. މުޅިން އާވައްތަރެއްގެ ތަޖްރިބާއެކެވެ. މިއީ ވަރަށް އާކޮށްއޮތް މުޅިންއައު ބްރޭންޑަޑް ބިޑިއެކެވެ. އިނގިރޭސި ކުންފުއްޏެއް ކަމުގައިވާ ހިއަޓް (HIATT) ކުންފުނިން އުފައްދާފައިވާ ޗޭނުކޮޅުލީ ވަރަށްރީތި ބިޑިއެކެވެ. މިއީ އޮރިޖިނަލް އެއްޗެއްކަން ބަލާލީމާވެސް އެނގެއެވެ.

ބިޑިތަކުގެ ތެރެއިން އެންމެފަސޭހަ ވައްތަރުގެ ބިޑިއަކީ މިއެވެ. މިބިޑިން އެއްވެސް ގޮތަކަށް ސިއްހީގޮތުން ބޮޑު އަނިޔާއެއް، އަދި ޖިސްމާނީގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ނުލިބެއެވެ. މި މައްސަލާގައި ބަންދުކުރިތާ މިއީ، 4 ވަނަދުވަހެވެ. ބިޑި އެޅުވުމަށް ފަހު، އަނެއްކާވެސް ގެންގޮސް ގޮޅިއަށްލާ ތަޅުލީއެވެ. ބިޑިއާ އެކުގައެވެ. ދެއަތްވެސް ތަޅުލީއެވެ. އަނެއްކާ ގޮޅިވެސް ތަޅުލީއެވެ. އޭރު ވަރަށް ދަންވެއްޖެއެވެ.
އަޅުގަނޑަށް ތަހުގީގުގައި ބާރުބޮޑުވަނީ ޑޮކްޓަރ ވަހީދު ސިފައިންގެއަށް ގެންގޮސް ބައިންދާ ރޭރެއެވެ. ވާގޮތަކީ، ޑޮކްޓަރ ވަހީދު ޖަލަށް ގެންދެވެން އަންނަނީ، އަޅުގަނޑުގެ އިއުތިރާފެއް ސިފައިންނަށް ލިބިގެންނެވެ. މިކަން އަޅުގަނޑަށް ސާފުވީ ތަހުގީގުގައި ކުރާސުވާލު ތަކުންނެވެ. އެންމެ ބޮޑަށް ސާބިތުކުރަން ބޭނުންވީ، ޖަވާހިރުވާދީ ތެރޭގައި މަޖިލީހުގެ މެންބަރުން ރައީސް މައުމޫނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރިކަމަށް އަޅުގަނޑު ލައްވާ އެއްބަސް ކުރުވާށެވެ.
ފަހުން އެނގުނުގޮތުގައި ރާވާފައި އޮތީ އަޅުގަނޑު ލައްވާ އެބުނާގޮތަށް ބަޔާނެއްގައި ސޮއިކުރުވާފައި ޑޮކްޓަރ ވަހީދު ފުރިޔަނުދީ ހިފާއްޓާށެވެ. އެހެނަސް އަޅުގަނޑު އަތުން މިކަމުގެ ބަޔާނެއް ނުލިބިގެން ސިފައިންނަށް ޑޮކްޓަރ ވަހީދު ބަންދު ކުރެވޭގޮތް ނުވީއެވެ. ކޮންމެރެއަކު ޑޮކްޓަރ ވަހީދު ގެންގޮސް ދަންވަންދެން ސިފައިންގޭގައި ބައިންދާފައި އަޅުގަނޑުމެންގެ އިއުތިރާފެއް ނުލިބުނީމާ ދޫކޮށް ލަނީއެވެ.
އެއްރެއަކު ރާއްޖެއިން ބޭރަށް ފުރާވަޑައި ގަންނަވަންވެގެން އެއަރޕޯޓަށް ވަޑައިގެންނެވި ފަހުން، ފުރުންމަނާކޮށް ސިފައިންގެއަށް ގެނެސް ވަރަށް ދަންވަންދެން ބައިންދާފައި އަނެއްކާވެސް ދޫކޮށްލީއެވެ. ދޫނިދޫގައި އަޅުގަނޑުމެންނަށް އަނިޔާ ބޮޑުވަނީ މިފަދަ ރޭރެގައެވެ. ޑޮކްޓަރ ވަހީދު ފުރާވަޑައި ގަންނަވަން އުޅޭއިރަށް އަޅުގަނޑު ގޮޅިން ނެރެ ތަހުގީގުގެ ގިޔަރު މަތިކޮށްލައެވެ. ބޭނުންވަނީ ޑޮކުޓަރު ވަހީދަށް ދުއްތުރާ ކުރާށެވެ. އަހުރެންގެ ބަޔާނެއް ނުލިބި، ބަންދު ނުކުރެވުނު ހިސާބުން މިވެރިން ބޭނުންވީ ދިވެހިރާއްޖެއިން އޭނާ ބޭރަށް ފަހާލާށެވެ. އަވަހަށް ފިނުވާލާށެވެ!
އަޅުގަނޑުގެ މުޅިހަޔާތުގައި ވެސް މިއީ ފުރަތަމަ ފަހަރު ބިޑިއެއް އެޅުވިފަހަރެވެ. ވީމާ ކޮންމެވެސް ވަރަކަށް އާދަޔާޚިލާފު އަސަރުތަކަކާ ކުރިމަތި ލާންޖެހި އުނދަގޫތަކަކާއި އާއުދާސްތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެނަސް ގޮޅިއަށް ވެއްދުމުން ބިޑީގައި އިނދެ، ﷲ އަށް ދަންނަވަން ހުރި ވާހަކަތައް ދަންނަވާލެވުމުން ވަރަށް ހިތްހަމަ ޖެހި ރޫހާނީގޮތުން މީހާގެ ހިތްވަރު އާލާވެއްޖެއެވެ. މުޅިން ގަދަފަދަ ވެއްޖެއެވެ. ކުރިޔަށްވުރެ ހިތްވަރުވަރުގަދަ ވެއްޖެއެވެ.
ރައީސް މައުމޫނުގެ ސަރުކާރުން ދެމުންގެންދާ އަނިޔާތަކަށް ހިތްވަރާއެކު ކުރިމަތިލުމަށް އާ އަޒުމެއްގައި ފަށައިގަތުމަށް ނިޔަތްގަނެ ތައްޔާރު ވެއްޖައީމެވެ. ﷲ ހައްގަށް ނަސްރުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި އަބަދުވެސް އޮންނާތީ، އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. މާޔޫސްވާ ގޮތެއް ނުވެއެވެ. އަބަދުވެސް ހިތުތެރޭގައި ދައުރުވަމުން ދަނީ ދިވެހިރާއްޖޭގެ މުސްތަގުބަލު ސިޔާސީގޮތުން ބިނާވެގެންދާނެ ތަސްވީރީކުރެހުމާ ބެހޭގޮތުންނެވެ. އެހެންވުމުން އަބަދުވެސް ހުންނަނީ ޚިޔާލާއި ވިސްނުން ތާޒާކޮށެވެ. މޮޅެތި ވިސްނުން އިތުރުވެ އާލާވާގޮތަށެވެ.
ހަށިގަނޑައި ނަފްސަށް މިގޮތުން އަބަދުވެސް ދަނީ ރޫޙާނީކާނާ ލިބެމުންނެވެ. އަދި ރޫހާނީގޮތުން ތާޒާވަމުންނެވެ. ރޫހާނީބާރު އިތުރު ވަމުންދެއެވެ. ﷲގެ މަދަދާއި ހިތްވަރު ލިބެމުން ދިޔައީ އިންތިހާއަށެވެ. ކުރިން ހިތަށް ނުގެނެވޭހާއި އަދި ހިތަށް ނާރާހާ ކަންތައްތައް ވަމުން ދިޔައެވެ. އަބަދުވެސް ވުޟޫޢުމަތީގައި އިނދެ ބަރާބަރަށް ނަމާދުތައް ކުރަމުން، ގުރުއާން ކިޔަވަމުން، ﷲއަށް އިއުތިކާފަށް އިނުމެއް ފަށައިގަތީއެވެ.
ރަނގަޅު ހުވަފެންތައް ތަކުރާރުކޮށް ފެނުމާއެކު ނިޔަތާއި އުންމީދުތައް އުޖާލާވެ އާވަމުންދެއެވެ. އާވިސްނުންތަކެއް އަބަދުވެސް އާލާކުރެވެއެވެ. ބިޑީގެ އުނދަގުލާ އެކުވެސް ގޮޅިތެރޭގައި ބުއިމަށް ހުންނަފެންފޮދުން އަބަދުވެސް ވުޟޫޢުކޮށްލައިގެން އަބަދުހެން ކިޔަވަން އިންނަނީއެވެ. ﷲގެ ނޫރުން އަބަދުވެސް އަޅުގަނޑަށް އަލިކަން ލިބޭކަން އިހްސާސް ކުރެވެއެވެ. އެއަލިކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުވެއެވެ.
27 ޑިސެންބަރ 1990 ވީ ބުރާސްފަތި ދުވަހު ހަވީރު ވަގުތެއްގައި އަނެއްކާވެސް ސުވާލުކުރުމަށް ނެރުނެވެ. ގެންދިޔައީ ތަހުގީގު ކޮމެޓީގެ ކުރިމައްޗަށެވެ. ފުރަތަމަ އެއްސެވީ އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟ ވަރަށް ގަދައަޅާ މިސުވާލުތައް ތަކުރާރު ކުރެއްވިއެވެ. ހުރިހާ ބޭފުޅުން ވެސް އެކިގޮތްގޮތަށް ކުރެއްވީ ހަމަ މިސުވާލު ތަކެވެ. އިތުރަށް ދަންނަވާނެ އެއްވެސް އެއްޗެއް ނެތޭ އަޅުގަނޑު ދެންނެވުމުން އަވަހަށް ގެންގޮސް އަނެއްކާވެސް ގޮޅިއަށްލާ ތަޅުލައިފިއެވެ.
މިހިސާބުން އަޅުގަނޑާމެދު އިތުރު ކަންތައްތަކެއް ރާވާނެކަން އަޅުގަނޑަށް ސާފުކޮށް އެނގިއްޖެއެވެ. ހުވަފެނުންފެނެއެވެ. ނަމާދުކުރުމާއި ކިޔެވުމުގައި ގޮޅީގައި އިންނަނީއެވެ. އިރު އޮއްސެން ވަރަށް ކާރިވެފައި ވަނިކޮށް ސުލައިމާނު ސަރުދާރު ދުރުވެ، އެއްޗިއްސާއެކު ނުކުތުމަށް ބުނުމުން އަޅުގަނޑު އަތުގައިހުރި މަދު އެތިކޮޅާއެކު ނުކުތުމުން ގެންގޮސް ވެއްދީ ޓިނުން ހަދާފައިވާ، 34 ނަންބަރުގޮޅި އަށެވެ. މިރެއަށް ތަހުގީގުގެ އާފެށުމެއް އަންނަނީކަމަށް ލަފާކުރެވުނެވެ. އަނެއްކާ ވެސް އަދަބުގެ އެއްދަރަޖަ މަތިކޮށްލީއެވެ.
މިފަހަރު ޖަލަށް ގެނައި އިރު، ޖަލުތެރޭގައި ހުރީ އިތުރުގޮޅިތަކެއް ރޯޓިނުން ހަދާފައެވެ. ޖަލުސަރަހައްދުގެ ބޭރުގައި ބަކަރިކޮށި ވަށައިގެން ހަދާފައި ހުރި ގޮޅިތައް ދޫނިދޫއަށް އަރާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. އެ ސަރަހައްދު ވަކިކޮށް ނިވާކުރުމަށް ފާރެއް ނުވަތަ ނިވާފަތް ގަނޑެއް ނުހުރެއެވެ. މިއީ ވަގުތީގޮތުން މިކަމުގެ ތަހުގީގަށް ތައްޔާރު ކުރި ވަރަށް އަނިޔާވާގޮތަށް ހަދާފައި ހުރި ކުދިކުދި ޓިނުގޮޅިތަކެކެވެ. މިގޮޅިތައް ހަދާފައި ހުރީ އޭރު ދޫނިދޫގައި ހުންނަބަކަރި ކޮށީގެ އިރުމަތީ ފަރާތާއި ހުޅަގު ފަރާތުގައެވެ.
މިއީ ކުއްލިގޮތަކަށް ކޮންމެވެސް ކޮންޓްރެކްޓިން ކުންފުންޏެއް ލައްވާ ބޮޑުއަގު ދީގެންހެއްދި ގޮޅިތަކެކެވެ. ހީވަނީ އަމީން ކޮންސްޓްރަކްޝަން ލައްވާ ކުރުވިކަމެއް ހެންނެވެ. އެކުންފުނީގެ ބައެއް މީހުން ދޫނިދޫތެރޭގައި ހިނގާބިނގާ ވާތަން މަދުން ފެނެއެވެ. އަޅުގަނޑު ދޫނިދޫޖަލަށް އެންމެ ފުރަތަމަ ގެންދަން ފެށި އިރު ހުންނަނީ މުޅިއެކު، 18 ގޮޅިއެވެ. މިއީ ވަކިސަރަހައްދެއް ގައިހަދާފައި ހުންނަ ކުދިގޮޅިތަކެއްގެ މައްޗަށް އެކުލެވިފައިވާ ޚާއްސަ ޖަލެކެވެ. މިބަޔަށް ވަދެވެނީ ވަކިގޭޓަކުންނެވެ.
މިސަރަހައްދަކީ ފާރަކުން ވަކިކުރެވިފަވާ ވަކިތަނެކެވެ. ހުންނަނީ ބަރިއެއްގައި، 6 ގޮޅިއެވެ. ތިންބަރިއެވެ. މިގޮޅިތައް ހުންނަނީ ރާނާއި ސިމެންތިޖަހާއި ހިޔާކޮށްފައެވެ. ފަހުބަރީގެ ގޮޅިތައް ހުންނަނީ ކޮންކްރީޓު ޝީޓްއަޅައިގެން ހިޔާކޮށްފައެވެ. މިތިންބަރީގެ ފަހަތަށް އަލަށް އިތުރުކުރި ގޮޅިތަކަކީ މުޅިން ވެސް ކޮންކްރީޓު ޝީޓްއަޅައިގެން ހިޔާކޮށްފައި ހުންނަ ގޮޅިތަކެވެ. އަދި ކުޑަތަންކޮޅެއް ފާޚާނާއަކަށް ބޭނުންކުރެވޭ ގޮތަށް ގޮޅިއާ ގުޅުވައިގެން ހަދާފައި ހުންނަ ތަންތަނެވެ. މިބައިގާ މިވަގުތު ނިމިފައިހުރީ އިތުރަށް ދެގޮޅިއެވެ. މިހާރުވެސް ގެންދަނީ، މިސައިޒުގެ އިތުރު ގޮޅިތައް މިސަރަހައްދުގައި އިތުރަށް ބިނާކޮށް ހަދަމުންނެވެ.
ބަކަރިކޮށީގެ ދެފަރާތުގައި އަލަށްހެދި ގޮޅިތަކަކީ، މުޅިންޓިނު ޖަހައިގެން އެތެރޭގައި ތަޅުންކޮޅެއް ގާފޮޅަކާއެކު ހަދައި އޭގެމަތީގައި ލަކުޑިފަތި ޖަހައިގެން ބިއްތަށް ހެދުމަށްފަހު މައްޗާއެކު ވަށައިގެން ޓިނުޖަހައިގެން ހަދާފައި ހުރި، 3 ފޫޓު 6 ފޫޓުގެ ކުދިގޮޅިތަކެކެވެ. މިގޮޅިތައް ފެށެނީ، 21 ނަންބަރުންނެވެ. 19 އަދި 20 ނަންބަރު ދީފައި ވަނީ، ޖަލުސަރަހައްދުގައި އިތުރުކުރާ ގޮޅިތަކު ތެރެއިން ނިމިފައިވާ ދެގޮޅިއަށެވެ. ބަކަރިކޮށީގެ އިރުމަތީ ފަރާތުގައި، 21 ން 30 ނަންބަރާ ހަމައަށެވެ. ގޮޅީގެ ދޮރު ހުންނަނީ، ބަކަރިކޮށީގެ ފާރާދިމާއަށެވެ.
ބަކަރިކޮށީގެ ހުޅަގުފަރާތުގައި ހުންނަނީ، 31 ން ފެށިގެން، 36 ނަންބަރާ ހަމައަށެވެ. ޖުމްލަ، އެކަކުން ފެށިގެން، 36 ގޮޅި އެދުވަސްވަރު ބޭނުންކުރެވޭ ގޮތަށް ނިމިފައި ހުއްޓެވެ. އަދި ޖަލު ސަރަހައްދު ތެރޭގައި އިތުރުގޮޅިތައް ހަދަމުންގެންދާތަން ފެނެއެވެ. ބަކަރިކޮށީގެ ހުޅަނގުފަރާތުގައި ހުންނަ، 6 ގޮޅީގެ ދޮރުވެސް ހުންނަނީ ބަކަރިކޮށީގެ ފާރަށް މޫނުމަތިކޮށެވެ. ރޭގަނޑު އިވެމުންދަނީ މުޅިންވެސް ނާމާންއަޑުތަކެވެ. ދަންވަރު ހޭލެވިއްޖެ ނަމަ ވަރަށް ބިރުވެރިވާނެއެވެ.
ނުނިދި އެތައް އިރެއް ވަންދެން އޮންނަން ޖެހޭނެއެވެ. އަޅުގަނޑު ވެއްދި، 34 ނަންބަރު ގޮޅިއަކީ، މީގެތެރެއިން އަލަށްހެދި ގޮޅިއެކެވެ. ސުލައިމާނު ސަރުދާރު އަޅުގަނޑު ގެންގޮސް، 34 ނަންބަރު ގޮޅިއަށް ވައްދައި ވަރަށް ރަހުމުކުޑަ ގޮތަކަށް ތަޅުލާފައި އެއްވެސް އެއްޗެއް ނުބުނެ ހިގައްޖެއެވެ. ބަކަރިކޮށީގެ ހުޅަނގު ފަރާތުގައި ހަދާފައި ހުރި، 6 ގޮޅީގެ ދޮރުފަތުގައި ޓިނުޖަހާފައެއް ނެތެވެ. ތަޅުލަންހަދާ ގޮތަކީ، ދޮރުފަތާއެކު ދަގަނޑު ފަތިގަނޑެއް ދޮރުފަތް ހުރަސްވާގޮތަށް އަޅުވާފައި އެލުވާތަޅަކުން ތަޅުލަނީއެވެ. މިގޮޅިތަކަށް ހުންނަނީ، ވަގުތީގޮތުން ހަދާފައިހުންނަ ވަކި ގިފިއްޔެކެވެ.

ގިފިލީގެ ބިއްތައް ޓިނުޖަހައިގެން ހަދާފައި ތާނގީފައްތައިގެން ވަޅެއްހަދާފައި އެވަޅުގެ ވަށައިގެން ހުންނަނީ ތަޅުންކޮޅެއް އަޅާފައެވެ. އަދި ވަޅާކައިރީގައި ފެންއަޅާގޮތަށް ތިރިތައްޓެއް ބަހައްޓާފައެވެ. ދާންޏަކާއި ވާގަނޑެއް ޖަހާފައިހުންނަ ކުޑަބާލިދީއެއް ހުރެއެވެ. ގިފިލީގެ ދޮރުވެސް ހުރީ ޓިނުޖަހައިގެން އެތެރޭން ވާކޮޅަކުން ބަނދެލެވޭ ގޮތަށް ހަދާފައެވެ. މިގިފިލި ބޭނުންކުރާ އިރު ސުލައިމާނު ސަރުދާރު ގިފިލި ބައްލަވާ ކަމަށް ޖަލުތެރޭގައި ވާހަކަ ދެކެވެއެވެ.
މިގޮޅިތަކުގެ ތެރެއިން ދޮރުފަތުގައި ޓިނުޖަހައި ހަމައެކަނި ބަތްކާތައްޓެއް ވެއްދޭވަރުގެ ބާކޮޅެއް އާންގައެއްހެން ކަނޑާފައި ދޮރުފަތުގައި ހަދާފައި ހުރެއެވެ. އެއީ ކާބޯތަކެތި ގޮޅިތެރެއަށް ވެއްދޭވަރުގެ އާނގައެކެވެ. މިގޮތަށް ޓިނުޖަހާފައި އާންގަަ ކަނޑާފައި ހުންނަނީ، 21 ނަންބަރުން ފެށިގެން، 25 ނަންބަރުގޮޅިއާ ހަމައަށެވެ. 26 ން 30 ނަންބަރު ގޮޅިއާ ހަމައަށް ހުންނަނީ، ހުޅަނގު ފަރާތުގެ ގޮޅިތަކުގެ ދޮރުފަތް ހުންނަގޮތަށް ދޮރުފަތުގައި ޓިނު ނުޖަހައެވެ. ވައިވަންނަގޮތަށެވެ.
ޖަލުސަރަހުއްދު ތެރޭގައި ހުންނަ، 1 ނަންބަރުން ފެށިގެން، 20 ނަންބަރު ގޮޅިއާ ހަމައަށް ވެސް ހުންނަނީ، ދަގަނޑުން ތޭރިޖަހައިގެން ދޮރުފަތްހަދާފައި ވައިވަންނަ ގޮތަށް ހުޅުވިފައެވެ. ބަތްތައްޓެއް ވަންނަވަރުގެ އާނގައެއް ދޮރުފަތުގެ މެދުގައި ލާފައެވެ. ދޮރުފަތުގައި ޓިނުޖަހައިގެން ހަދާފައި ހުންނަ، 5 ގޮޅީގައި ވައިވަންނަ ތަންކޮޅަކަށް ހުންނަނީ، ފުރާޅާއި ބިއްތަކާ ދޭތެރޭގައި ވަށައިގެން ނުބައްދާ ބަހައްޓާފައި ހުންނަ ކައިވަތެއް ވަރުގެ ވަށައިގެން ހުންނަ ޖާގައެކެވެ. ގޮޅީގެ ވަށައިގެން ފުރާޅުގެ ތިރިން މި ޖާގަ ހުޅުވިފައި ހުރެއެވެ.
މިބައިވެސް ބަންދުކޮށް އެއްގޮތަކަށް ވެސް ވައިކޮޅެއް ނުވަންނަގޮތަށް ހަމައެކަނި ބަތްތަށިވެއްދޭ ވަރުގެއާނގައެއް ކަނޑާފައި ހުންނަގޮޅިއަކީ، 21 ނަންބަރު ގޮޅިއެވެ. މިއީ އަނިޔާކުރުމަށް ވަކިންޚާއްސަ ކުރެވިފައި ހުންނަ ގޮޅިއެކެވެ. މިފަސްގޮޅީގައި އަނދަގޮނޑިވެސް ގެންގުޅެއެވެ. 21 ނަންބަރުގޮޅީގެ ބިތްތައް ހުންނަނީ، ވަށައިގެން ފުރާޅުގައި ޖައްސައި އެއްވެސް ގޮތަކަށް ވައިނުވަންނަހެން ބައްދާލާފައެވެ. މިގޮޅިއަށް އިރުގެ އަލިކަމެއް އަދި ވައިރޯޅިއެއް ވަންނާނެތަން ކޮޅަކަށް ހުންނަނީ ބަތްތަށި ވެއްދުމަށް ހުންނައާނގަ އެކަންޏެވެ.
މިއީ އެއްބަސްނުވާ ގައިދީންނަށް އަނިޔާކޮށްގެން އިއުތިރާފް ބަޔާންނަގާއި އެއްބަސް ކުރުވުމަށް ވައްދަން ހަދާފައި ހުންނަ، އަނިޔާކުރުމަށް ޚާއްސަ ކުރެވިފައިވާ ގޮޅިއެކެވެ. ޖައްވުގައި، 32 ޑިގްރީއަށް ހޫނުމިން ހުރިއްޔާ، މިގޮޅީގެ ހޫނުމިން ގަދައަވީގައި، 50 ޑިގްރީ ސެލްސިއަސް އަށް ހުންނާނެކަން ކަށަވަރެވެ. ދުވާލުވުމުން އަބަދުވެސް ހުންނާނީ ދާހިއްލާއި ފޯވެފައެވެ. ގަމީސް އޮންނާނީ، ދަލުންތަތްތެޅި ތެމިފޯވެފައެވެ. ފަތިސްދަޅައަށް އަޅާލުމުން އަބަދުވެސް އޮންނާނީ ފިނިކަމުން ގޮސް ނުނިދިފައެވެ. އާންމުކޮށް ރޭގަނޑުގެ ފަހުބަޔަށް އެޅުމުން ހީކަރުވަން ފަށާނެއެވެ.
ގެންގުޅޭ ތުވާލިގަނޑުން ހަށިގަނޑު ނިވާނުވެގެން ކުރަން ޖެހޭ މަސައްކަތް ގިނަވާނެއެވެ. ވިއްސާރަ ރޭރޭ ހީކަރުވައި ގަނެގެން ތުރުތުރު އަޅާނެއެވެ. މިގޮޅިއަކީ، ގައިދީންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދިނުމަށް ހަދާފައި ހުރި ޚާއްސަ ގޮޅިއެކެވެ. އަބަދުވެސް އެތެރޭގައި އަނދަގޮނޑިއެއް އޮންނާނެއެވެ. މިގޮޅީގެ އިތުރުން ޖެހިގެންހުންނަ، މި ހަގޮޅީގައި ވެސް އަޒާބުދެއްކުން އޮވެއެވެ. މިވަގުތު މި ހަގޮޅީގެ ތެރެއިން ދެގޮޅިއެއްގައި ހަންދުއާއި ވިންޓަރު އަނދަގޮނޑީގައި ތިބޭކަންވަނީ އަހުރެންނަށް އެނގިފައެވެ.
34 ނަންބަރު ގޮޅީގައި ބަހައްޓާފައިހުރި ދުވަސްކޮޅަކީ، ބިޑިއަޅުވާފައި ހުއްޓަސް ތަންކޮޅެއް ސާފުވައި ގޮޅީގެ ދޮރުން ލިބެމުން ދިޔަ ހިތްހަމަ ޖައްސާލަން ލިބުނު ވަގުތުކޮޅެކެވެ. ދޫނިދޫއާ ދިމާލުގައި އެވަގުތުވައި ހުރިގޮތުން ކަމަށް ވެސް ވެދާނެއެވެ. ކޮންމެ އަކަސް މިގޮޅިއަށް ވަރަށް ހިތްހަމަޖެހޭ ވައިރޯޅިތައް ލިބެމުންދިޔައެވެ. އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. ދެންގާޑަށް ގޮވައިގެން ގެނެސް ގިފިއްޔަށް ވަދެ ހީސްލާއި ވުޟޫއުކޮށް ހަދައިގެން ގޮޅިއަށް އައިސް، މަޣްރިބް ނަމާދުކޮށް އަދި ޢިޝާނަމާދު ވެސް ކޮށް ނިމިގެން ފާނޫޒުގެ ފަނޑުއަލީގައި ކިޔަވާލަ ކިޔަވާލާ އިނީއެވެ.
ގިނަގިނައިން، ﷲ އަށް ދުޢާދަންނަވައި ކެތްރެތިކަން ދެއްވާއި އަޅުގަނޑުގެ ހިތްވަރާއި ކެތްތެރިކަމާއި އަޒުމް ވަރުގަދަކޮށް ދެއްވުމަށް އެދި ތަކުރާރުކޮށް ދުޢާ ދެންނެވީމެވެ. އަދި މިއަނިޔާވެރިންގެ އަނިޔާތަކުން، އަޅުގަނޑުގެ ޖިސްމަށާއި ވިސްނުމަށް އެއްވެސް ކަހަލަ އުނިކަމެއް އަޔަނުދެއް ވުމަށް އެދި އަބަދުވެސް ދުޢާ ކުރަމެވެ. ގޮޅީގައި އިންނައިރު ނުބައިނުލަފާ ޖިންނިޝައިތޯނުންގެ ދުއްތުރާތަކާއި ގޯނާތަކުން ސަލާމަތްކޮށް ދެއްވުން އެދި، ﷲ އަށް އަބަދުވެސް ދުޢާ ދަންނަވުން ގެންދިޔައިމެވެ. އެއީ މިހާލަތުގައި ލިބޭނެ އެންމެ މަތީ ހިމާޔަތެވެ.
އަނިޔާވެރި ޖައްބާރު ނުލަފާ މީހުންގެ އަނިޔާތަކުން ސަލާމަތް ކުރެއްވުން އެދި، ﷲ އަށް އަބަދުވެސް ދުޢާ ދަންނަވަމުން ގެންދިޔައިމެވެ. ރެއަކުންރެއެއް އަނިޔާތައް އިތުރުވަމުން ދާއިރު ވެސް އަޅުގަނޑުގެ ސިކުނޑިއާއި ހިތަށް އަބަދު ވެސް ފިނިކަން ލިބުނެވެ. ބިރުގަނެ ދެރަވެ ރޮއި ހިތާމަ ކުރާކަށް ނުޖެހެއެވެ. އަބަދުވެސް ކެތްތެރިކަން ދެއްވިއެވެ. ﷲ އަށް އެތައް ހާސް ޝުކުރެއް މިއަޅާގެ ފުށުން ހައްގެވެ. ދުވަހަކު ވެސް އަދާކޮށް ނުނިމޭނެއެވެ.
މިގޮޅިތަކަށް ހުންނަ ގިފިއްޔަކީ، ވަރަށް އާކަންބޮޑު އަލަށް ހަދާފައި ހުރި ތަނަކަށް ވާތީ، ލަކުޑިއަށް މޮހޮރު ޖަހައިގެން ބިއްގަނޑު ހެދިއިރު ޖަހަން ގެންގުޅުނު ތަނުންބައެއް މޮހޮރު ބިންމައްޗަށް ވެއްޓި އެއްބައި މޮހޮރު ވަޅުޖަހާފައި ހުއްޓާފެނުމުން، އިތުރަށް ހޯދައިގެން، 4 އިންޗީގެ މޮހޮރަކާއި، 2 އިންޗީގެ މޮހޮރެއް ފެނުމުން ނަގާ އަންބޮނޑިއަށްލައި ފޮރުވައިގެން ގޮޅިއަށް ގެނެސްފީމެވެ. މި ދެމޮހޮރު ގޮޅިއަށް ގެނެސް ފޮރުވަން ނިންމީ، މިހެން މިގޮތަށް ހުންނައިރު ކޮންމެވެސް ބޭނުމެއް ޖެހިދާނެތީއެވެ.
މި ދެމޮހޮރު ފޮރުވަންރޭވި ގޮތަކީ، ގެންގުޅޭ ތުވާލީގެ ފަތިޖަހާފައި ހުންނަތަނަށް ކުރުމޮހޮރު ލީއެވެ. ދިގުމޮހޮރުލީ، ލާންގެންގުޅޭ ޖިންސްގެ ފައިކުރި މަޅާފަތިޖާފައި ހުންތަނަށެވެ. ލޯވަޅެއް ހަދާލާފައި މޮހޮރުގެބޯ ތަޅުންގަނޑުގައި ގާނައިގެން ކުޑަކޮށްލާފައި ކޮއްޕާލީމާ ވަރަށްރީއްޗަށް ފައިކުރީގެ ފަތީގެތެރޭގައި ފޮރުވިފައި އޮވެއެވެ. މި ދެމޮހޮރުން ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި ވަރަށްބޮޑެތި ފައިދާތައް ކުރިއެވެ. ގަލަމެއްގެ ބޭނުން ހިފުނެވެ. ގޮޅީގެޓިނު ބިއްތަކުގައި ކުދިކުދި ލޯވަޅުއެޅުމަށް ބޭނުންހިފުނެވެ.
ދޫނިދޫގައި ވީ، 18 މަސްދުވަހު މިދެމޮހޮރުގެ އެތައް ބޭނުމެއް ކުރެވުނެވެ. އެއިން ބައިވަރު ކަންތައް ކުރެވުނެވެ. އަދި ގާމާދޫއަށް ބަދަލުކުރި އިރުވެސް މިދެމޮހޮރު ތުވާލީގަޔާއި ޖިންސްގެ ފައިކުރީގެ ފަތީގައި ފޮރުވައިގެން ގެންގުޅުނީމެވެ. ގޮޅިތައްޗެކްކުރި އެއްވެސް ރޭޑެއްގައި ސިފައިންނަށް ފެނިފައެއް ނެތެވެ. އަދި ގާމާދޫއަށް ބަދަލުކުރި ދުވަހުގެ ޗެކްކުރުމުން ވެސް މިއިން މޮހޮރެއް ފެނިފައެއް ނެތެވެ. މި މޮހޮރުން އެންމެ ފުރަތަމަ ހިފަންޖެހުނު ބޭނުމަކީ އެންމެ މުހިންމު ބޭނުމެވެ. ގޮޅީގެ ޓިނުބިތުގައި ދޫނިދޫތެރެ ބެލޭނެހެން ހީވާ އޭންގަލްތަކަށް މިސްރާބްކޮށް މޮހޮރުބޭނުން ކޮށްގެން ބޭރަށް ބޮޑުކޮށް ނޭނގޭވަރުގެ ކުދިކުދި ލޯވަޅުއެޅީއެވެ. މިއީ އަހުރެން އިޖާދު ކުރި އަހުރެންގެ ރާޑަރެވެ.
މިލޯވަޅުތައް އަޅަންހެދި ގޮތަކީ، މޮހޮރު ޓިނުގަނޑުގައި ޖައްސާފައި މޮހޮރުގެ ބޮލުގައި ތުވާލިފަތްޖަހާލާފައި ޖެއްސުމަށް ފަހު އަތްތިލައިން އޮބާއި ބޭނުން ސައިޒަކަށް އެއްކޮށް މާފުންކޮށް ފޫއެޅިގެން ނުދާގޮތަށް ކުޑަލޯވަޅެއް ހަދާލަނީއެވެ. އެވަރުގެ ލޯވަޅު ބޭރަށް ފެންނާކަށް ނުހުރެއެވެ. ސުލައިމާނަށް ފެނިގެން ސުވާލުކޮށްފައެއް ވެސް ނެތެވެ. ދެން އެ ލޯވަޅުތަކުން ބޭނުންވާ ދިމާލެއް ފަސޭހަ ކަމާއެކު ބަލަނީއެވެ.
މީގެފަހުން ދޫނިދޫއަށް އަރާފައިބާ މީހުންނާއި ތަހުގީގުޓީމުގެ ހަރަކާތްތަކާއި އެމީހުން ރަށުތެރޭގައި އުޅޭގޮތްތަކާ، މިހެން ގޮސް ދޫނިދޫގެ އެ ސަރަހުއްދުގައި ހިނގާ ގިނަކަންތައް އަބަދުވެސް އަޅުގަނޑު ގެންދަނީ މޮނިޓާރ ކުރަމުންނެވެ. ބަލަމުންނެވެ. ރާޑަރުން ފާރަލަމުންނެވެ. ތަހުގީގުޓީމު އަންނަގަޑިވެސް އަދި ފުރާގަޑިވެސް އަޅުގަނޑަށް އެނގެއެވެ. ތަހުގީގަށް ނެރޭމީހުންވެސް އަޅުގަނޑަށް ފެނެއެވެ. ފައްކާކުރެވުނު ފުރިހަމަ ރާޑަރެކެވެ.
މިހެންއުޅޭ އިރު މޮހޮރުނޫނަސް ބޭނުންހިފޭކަހަލަ އެއްޗެއް ފެންނައިރަށް ގާޑަށް ނޭނގޭގޮތަށް އެ އެއްޗެއް ނަގައި ފޮރުވަމެވެ. ސައިބޯނިލާފައި ހުންނަ ކަރުދާސް ކޮޅާއި އިލޮށިކޮޅުކޮޅައި އެކިކަހަލަ ސާމާނު ގޮޅިއަށް ގެނެސް ހަދަމެވެ. ގޮޅީގައި އޮންނަ ތަޅުމުގައި ކާއްތައިގެން ތޫކުކޮށްގެން އެކިކަންތަކަށް ބޭނުންހިފަމެވެ. ގިފިއްޔަށް ދާންބޭނުންވާ ކޮންމެ ފަހަރަކު ޖެހެނީ، ބިޑިއަޅުވާފައި ހުރިއްޔާ ބިއްގަނޑުގައި ތަޅާށެވެ. ބިޑީގައި ނެތިއްޔާ އަތްތިލަބަޑި ޖަހާށެވެ. ހަޅޭލަވާއި ގޮވައިފިއްޔާ ގާޑު ވަރަށް ރުޅިއާދެއެވެ. އަދި އެ ގޮތަށް ގޮވިޔަސް ނުވެސް އަންނާނެއެވެ.
ގިފިއްޔަށް ނެރެ، އަދި ގެނެސް ގޮޅިޔަށް ވައްދާ ހަދަނީ ގާޑަކަށް އެވަގުތު ހުންނަ އޮފިސަރެވެ. މިގޮޅިތަކުގައި ވެސް ކަރަންޓެއް ނުހުރެއެވެ. ރޭގަނޑުވީމާ ފާނޫޒެއް ބޭރުގައި އިންނަ ބުޅިގަނޑެއްގައި އަޅުވާ ލަނީއެވެ. ފަތިސް ވީމާ ނަގައިގެން ގެންދަނީއެވެ. މިކަންކުރާތަން ފެންނަނީ އަބަދުވެސް ސުލައިމާނު ސަރުދާރެވެ. ގިފިލީގައި، 5 ވޯޓްގެ ބޮތްކެއް ކަރަންޓުވާގަނޑަކުން ލާފައި ހުރެއެވެ. ކާންގެންނަނީ ގޮޅިއަށެވެ. ތަބަކަކަށް ލައިގެން އެތަބައް ކުޑަވަރެއްގެ ގޮލައެއްގެ އަތަށްދީގެން، ސުލައިމާނު ސަރުދާރު ގޮޅިގޮޅިއަށް ބަހަމުން ހިނގަނީއެވެ. ސުލައިމާނު ސަރުދާރު ގެންގުޅޭ ޅަސޮރުންނަކީ ސިފައިންނެއް ނޫނެވެ. އެއީ އޭނާކޮންމެވެސް ގޮތަކުން ދޫނިދޫގައި ގެންގުޅޭ ޅަފުރައިގެ ކުޑަކުދިންނެވެ.
އެކުދިންނާ އޭނާ ސަމާސާކޮށް މަޖާނަގާތަން ބައެއްފަހަރު ފެނެއެވެ. އަޅުގަނޑަށް އެ މަންޒަރު ގިނައިން ފެނެއެވެ. ހެދުނު ސަޔަށް މި ގޮޅިތަކުގައި ދެނީ، އެއްރިހަ އާއި ކުޑަ ތިންރޮއްޓެވެ. އެއް ބޯތަށި ކަޅުސަޔެވެ. ގެންނާނީ ހެނދުނު، 7 ޖެހީމައެވެ. މެންދުރު ކެއުން ބަހާނީ، 11 ޖެހީމައެވެ. އެއްބަތް އެއްރިހައެވެ. އާންމުކޮށް ގިނައިން ހުންނާނީ، ކިރުގަރުދިޔައެވެ.
ހަވީރުސައި ބަހާނީ، 3 ޖެހީމައެވެ. އެއްކަޅުސައި، 4 ކުރީމްކޭކަރު ބިސްކޯދު ދެއެވެ. ރޭގަނޑު ކެއުން ބަހާނީ އިރުއޮއްސި، 7 ޖެހީމައެވެ. އެއްބަތް އެއްރިހައެވެ. ގިނަ ރޭރޭ ހުންނާނީ ގަރުދިޔައެވެ. އެއްމަސްބުރި އާއި އެއްފިޔާކޮޅައި އެއްމިރުހާއި އެއްލިބޯކޮޅު ބުނެފިއްޔާ ދޭނެއެވެ. ކައިނިމި ހަމަޖެހިލާއި އިޝާނަމާދު ކޮށްގެން އިށީނދެލައިގެން އިންދާބަލާ އަތުވެއްޖެއެވެ. ނެރެގެން ގެންދިޔައީ ތަހުގީގުކުރާ ތަނަށެވެ.
އާދެ! މިއީ، 27 ޑިސެންބަރ 1990 ވީބުރާސްފަތި ދުވަހުރޭ، 9:30 އެހާކަންހާއިރެވެ. މިބުރުގައި ޖަލުބަންދުގައި އިންނަތާ، 5 ވަނަ ދުވަހެވެ. ތަހުގީގުޓީމުގައި އެންމެން ހަމައަށް މޭޒުދޮށުގައި ތިއްބެވިއެވެ. އިސްކޮށް އިންނެވީ ޝަކޫރެވެ. ކައިރީގައި ހުރިމޭޒެއްގެ މަތީގައި ބިޑިތައް އަތުރާފައި ފެންނަން ހުއްޓެވެ. އިސްކޮށް ސުވާލުތައްކޮށް ނަގާ ކިޔަނީ، މުހަންމަދު އިބްރާހީމާއި މޯރާތައުފީގެވެ. ވ.ޅަހުއްތު ވެސް ދޭތެރެދޭތެރެއިން ބަސްބުނުއްވައެވެ. ފެއްޓެވީ ހަމަކުރީގެ ސުވާލުތަކުންނެވެ.
އިތުރުސުވާލަކަށް މިރޭކުރަންފެށި ސުވާލަކީ، އަލްފާޟިލް މުހަންމަދު ޚަލީލް (މައްކޮ) ގ.އުތުރުގެ މާލެ، އިލްޔާސް ކައިރީގައި މިކަމާގުޅިގެން ދެއްކެވީ ކޮންވާހަކަ ތަކެއް ތޯއެވެ؟ އަދި އިލްޔާސް މިކަންތަކާ ގުޅިގެން މައްކޮ އަރިހުގައި ދެއްކެވީކޮން ވާހަކަތަކެއް ތޯއެވެ؟ ހަންދު އާއި މައްކޮވަނީ ސަލްޓަން ޕާކްބޮމުގެ ވާހަކަތައް ދައްކާފައެވެ. މައްކޮއާއެކު ދެއްކި ވާހަކަތައް ތެދުތެދަށް ކިޔައިދޭށެވެ.
އެހެންނޫނީ އަނެއްކާވެސް އަދަބު އިތުރު ކުރެވޭނެއެވެ. ދެން، އަޅުގަނޑު ދަންނަވައި ފީމެވެ. ތިޔަވިދާޅުވާ ސަލްޓަންޕާކްގައި ހަންދު ގޮއްވާލި ބޮމެއްގެ އެއްވެސް ވާހަކައެއް މައްކޮ އާއެކު ދެއްކިފައެއް ނުވާނެއެވެ. އެކަމާގުޅޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ވެސް ނުވާނެއެވެ.
އަޅުގަނޑަށް އެޚަބަރުލިބުނީ ދޫނިދޫޖަލުގައި ބަންދުވި ފަހުންނެވެ. އޭގެފަހުން މައްކޮއާއި ބައްދަލެއް ނުވެއެވެ. ތިޔަ ވިދާޅުވާ ވާހަކަ ދައްކާނީ ކިހިނެތް ތޯއެވެ! އެކަމާ ގުޅޭ އެއްވެސް ވާހަކައެއް މައްކޮ އަރިހުގައި ދައްކާފައެއް ނުވާނެއެވެ. ތިޔައީ ހަދަހަދައިގެން މިކަމުގައި ގިނަމީހުން ބައްދަންވެގެން އަޅުގަނޑާ ކުރާ ސުވާލެކެވެ. ތިޔަ ސުވާލާ ވިއްދައިގެން އިތުރަށް އަޅުގަނޑު ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. މިގޮތަށް ދެންނެވުމުން ތަހުގީގުޓީމު ވަރަށްރުޅި އަތުވެއްޖެއެވެ.
ވ.ޅަހުއްތު އަޅުގަނޑާ ދިމާއަށް، އަނދަގޮނޑިއަށް ދާންޖެހިދާނެ ކަމަށް އިންޒާރު ދެއްވައިފިއެވެ. އަނދަގޮނޑި ޖެހިޔަސް އަދި ދަންޖެއްސިޔަސް ތިޔަކަމާ ގުޅޭގޮތުން އިތުރަށް ދަންނަވާނެ އެއްވެސް އެއްޗެއް ނެތޭ ބުނުމުން ދެންފެއްޓެވި ސުވާލުތަކަކީ، ޑޮކްޓަރ ވަހީދު އަރިހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޑައިގެން ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއްނެގުމަށް ދެއްކީކޮން ވާހަކަ ތަކެއްތޯއެވެ؟ މި ވާހަކަތައް ދެކެވުނު އިރު އަޑުއަހަން ބޮޑުސަރަންފީއެއްގައި އިލްޔާސް އޮންނެވިއެވެ. މިވާހަކަތައް ސާފުކޮށް ކިޔައިދޭށެވެ. އަނެއްކާ ވެސް އަޑަށް ބާރުލާފައި އަޅުގަނޑު ދަންނަވައި ފީމެވެ.
ތިޔަކަމާ ގުޅިގެން ވެސް އަޅުގަނޑު ދަންނަވާނެ އިތުރު އެއްވެސް ވާހަކައެއް ނެތެވެ. އަޅުގަނޑުގެ ސިކުނޑީގައި ހުރި ހުރިހާ އެއްޗެއް ވާނީ އެކިފަހަރު މަތިން ތިޔަ ބޭފުޅުންނަށް ވަރަށް ތަފްސީލުކޮށް ދަންނަވާފައެވެ. ކިޔައިދީފައެވެ. މިހާރު ސިކުނޑި ހުސްވީއެވެ. ތިޔަދެކަމާ ގުޅިގެން އިތުރު އެހެން ވާހަކައެއް އަޅުގަނޑުގެ ބޮލުގައި މި އޮތް ސިކުނޑިއަކު ނެތޭ ދެންނެވުމުން ވަރަށް ކޯފާވެފައި ޝަކޫރު ސުލައިމާނަށް ވިދާޅުވަނީ، އިލްޔާސް އަތުގައި މިހާރު އެއޮތް ބިޑިނަގައި މިތަނުން ބިޑިއެއް އަޅުވާށެވެ.
ދެން މޭޒުމަތީގައި އަތުރާފައިހުރި ބިޑިތަކުގެ ތެރެއިން ފާޑެއްގެ ބިޑިއެއް ސުލައިމާނު ނަގައި އަޅުގަނޑުގެ ދެއަތްއެއްކޮށް ކުރިމައްޗަށް ވާގޮތަށް އެބިޑި އެޅުވުމުގެ މަސައްކަތް ފަށައިފިއެވެ. ޝަކޫރު، ސުލައިމާނަށް އިޝާރަތްކުރެއްވި ބިޑިއަކީ މިބޭފުޅުން ގެންގުޅުއްވާ ބިޑިތަކުގެ ތެރެއިން އެންމެ އަނިޔާބޮޑު ބިޑިއެއް ކަމުގައިވާ އެއްހުޅު ބިޑިއެކެވެ. އަޅުގަނޑު އަތުގައި އަޅުވަން، ސުލޭމާނު ސަރުދާރު މިފަހަރު މިގެންގުޅޭ ބިޑިއަކީ ޑުޕްލިކޭޓް ބިޑިއެކެވެ. އަސްލު އެއްޗެއް ނޫނެވެ.
ވެލްޑިންކޮށްގެން ކުޑަކޮށްފައި ނުވަތަ ބޮޑުކޮށްފައި ހުރިކަމަށް ލަފާކުރެވޭ އަލާމާތްތަކެއް ހުރި ވަރަށް ދުވަސްވެފައިވާ ބިޑި އެކެވެ. ވެލްޑިންގކޮށް ގާނާ ހަދާފައި ހުރި އަސަރުތައް ބިޑިންފެންނަން ހުއްޓެވެ. މިބިޑި އަޅުގަނޑުއަތަށް ވަރަށްބާރެވެ. އެއްހުޅުބިޑި އަކީ ވީހާއަތަށް ބާރުކޮށް އެޅުވުނުވަރަކުން އަޒާބުބޮޑުވާނެ އެއްޗެއްކަން މިބޭފުޅުންނަށް އެނގޭތީ ވީހާ ބާރުކޮށް އެޅުވޭނެ ބިޑިއެއް އަޅުގަނޑު އަތުގައި އަޅުވަން ނިންމީއެވެ. މިބިޑި އަޅުގަނޑުގެ ދެއަތްއެއްކޮށް ދެއަތުގެ ކުޑަހުޅު ކައިރީގައި އަޅުވާލެވުނީ، ސުލައިމާނު ސަރުދާރު ވަރަށްގިނަ މަސައްކަތް ކޮށްގެންނެވެ. ހަނގަނޑުފިއްތާ ހަދައިގެންނެވެ.
ސުލައިމާނު ހަދާނެއެއްޗެއް ހަދަން އަޅުގަނޑު ދެއަތްދިއްކޮށްގެން މަޑުން ބަލަން ހުރީމެވެ. ވަރަށްގިނަ މަސައްކަތުން ސުލައިމާނުގެ ދެއަތުން އަޅުގަނޑުގެ ދެއަތުގެ ހަންގަނޑު ފިއްތައިގެން އެގޮތްމިގޮތް ހަދައިގެން އެބިޑި އަޅުވައި ތަޅުލުމަށް ފަހު، ތަޅުދަނޑި އޭނާއަތުގައި ބާއްވައިފިއެވެ. މިއީ އަޅުގަނޑުގެ އަތަށް ވަރަށްބާރު ބިޑިއެކެވެ. އަޅުވާނިމުނު އިރު ހީވަނީ އަތުގެ މަސްގަނޑު ތެރެއަށް ވަދެފައި އިންނަ ހެންނެވެ. އެމަސައްކަތް ނިމުމުން ޝަކޫރު ވިދާޅުވީ، އިލްޔާސް ގެންގޮސްގޮޅިއަށް ލާށެވެ.

މިފަހަރު ގެންގޮސްލީ، 21 ނަންބަރު ގޮޅިއަށެވެ. މިއީ މުޅިދޫނިދޫގައި ވެސް ހުންނަ އެންމެ އަނިޔާބޮޑު ގޮޅިއެވެ. ބަތްކާތައްޓެއް ވަންނަވަރުގެ އާނގައެއް ފިޔަވައި ވައިރޯޅިއެއް ވަންނާނެ އެއްވެސް ތަންކޮޅެއް އެގޮޅީގައި ނެތެވެ. އޭރު އެގޮޅީގައި އަނދަގޮނޑިއެއް ތައްޔާރުކޮށް ބާއްވާފައި އޮތެވެ. ހަންދުއާއި ވިންޓަރު މިހާރު ވެސް ގެންގުޅެނީ އަނދަގޮނޑީގައެވެ. އެއްބަސްނުވާ މީހުން އެއްބަސް ކުރުވުމަށް ބޭނުންކުރަނީ، 21 ނަންބަރު ގޮޅިއެވެ. މިއީ ވަށައިގެން ޓިނުޖަހާފައިހުރި، 3 ފޫޓު 6 ފޫޓުގެ ގޮޅިއެކެވެ. ގޮޅިއަށްލާ ތަޅުލުމަށް ފަހު، ސުލައިމާނު ސަރުދާރު އަނގައިން އެއްވެސް ބަހެއް ނުބުނެ ހިނގައްޖެއެވެ.
ގޮޅިތެރޭގައި މިބިޑި އަޅައިގެން އުޅެންވަރަށް އުނދަގުލެވެ. ބަލަބަލާހުއްޓާ ބިޑިއަޅުވާފައި އިން ދިމާ ދުޅަވެއްޖެއެވެ. ކޮނޑުހުޅާ ދިމާއަށް މަޑުމަޑުން ތަދު އަރާގޮތް ވާން ފަށައިފިއެވެ. މި ބިޑިބާރުކޮށް އަޅުވާލީމާ ދެއަތުގެ މުލައްދަނޑި އެކުގައި ކުޑަހުޅުން ފެށިގެން، އުޅަބޮއްޓާ ހަމައަށް ހުންނަނީ ޖެހިބާރުވެ، ފިތިފައެވެ. އަޅުގަނޑަށް، ﷲ ދެއްވާފައިވާ މިނިވަންދެއަތް އެއްއަތަށް ފާޑެއްގެ މޮށްގަނޑަކަށް ބަޔަކުމީހުން މި ބަދަލުކޮށް ލީއެވެ. އެ މީހުންނަށް، ﷲ ތެދުމަގު ދައްކަވާށިއެވެ! ދެއަތްއެކުގައި ފަށަކާފަށެއް ޖައްސައި ތެތްރޯނުން އޮޅުއަޅާލީމާ އޮންނާނީ މިހެންނެވެ. އެއްވެސް ތަފާތެއް ނުވާނެއެވެ.
މާގިނައިރެއްނުވެ، އިސާހިތަކު މުޅިދެއަތަށް އެކުގައި ތަދުވާން ފަށައިފިއެވެ. ބިޑިއަޅުވާފައި އިންހިސާބު އެކުގައި ނޫފައިގެންފިއެވެ. ކޮނޑުހުޅާ ހަމައަށް އަތުތެރެއިން ލާފައި ތަދު އަރަން ފަށައިފިއެވެ. ސީދޮވެ ހެދޭނެ ގޮތެއް ނެތެވެ. ދެއަތްއެކުގައި އެކުވެފައި އޮންނަ މަސްނޫޢީ މޮއްގަނޑެއްހެން ގެންގުޅެން ޖެހޭތީއެވެ. ސީދޮންނަން ޖެހެނީ ފެންބާލިދީއެއް ވަރަށް ބަލައިގެން ފެނުން މުޅިންފުރިފާ ހުންނަވަރަށް ވަޅުން އުނދަގުލާ އެކު ނަގައިގެން އެބާލިދީގެ މަތީގައި ރީތިކޮށް ނީށީނދެ ފޫކޮޅުފެނުގައި ދެތިންހަތަރު ފަހަރު ޖެހޭގޮތަށް ތަޅުވާލައި ހަދައިގެން، ސީދޮވެވުނީ ކަމަށް ނިންމާލަނީއެވެ.
ލައިގެން ހުންނަ މުންޑުގަނޑު ވެސް ރަނގަޅެއް ނުކުރެވެއެވެ. މިބިޑީގައި ހުރި އިރު ހުންނަން ޖެހުނީ ނުތާހިރާ ނަޖިސް ކޮށެވެ. ވުޟޫޢެއް ނުކުރެވެއެވެ. ތަޔަންމަމްކޮށްލައިގެން ހުރި ހާލެއްގައި ނަމާދު ކުރަނީއެވެ. އިރުއަރާ އަލިކަމެއް ލިބުމުން މިބިޑި ރަނގަޅަށް ބަލާލައި އެއާމެދު ފުންކޮށް ވިސްނާއި ބަލާލުމުން، މިއީ މީގެ އަސްލުބިޑި ބަލައިގެން އިންޑިޔާ ނުވަތަ އެތެރެވަރީގެ ކޮންމެ ވެސް ގައުމަކުން ކުރީ ދުވަސްވަރު ހަދާފައިއޮތް ޑުޕްލިކޭޓް ބިޑިއެއްކަން ކަށަވަރު ކުރެވުނެވެ. މިބިޑީގައި އަކުރު ކަނޑާނަގައިގެން ލިޔެފައި އޮތީ (HTATT) ހަޓަޓް އާއި ހިސާބުއަކުރުން، 10 އެވެ. މިނަން ކިޔާ ކުންފުންޏެއް ނުހުރެއެވެ. ވީމާ މިނަމަކީ ވެސް ކޮޕީއެކެވެ.
މިއީ އެއްވެސް ގޮތަކަށް އެޖެސްޓުކުރެވޭ ގޮތަށް އޮތް ބިޑިއެއް ނޫނެވެ. އެއްހުޅުލާފައި މެދުންދެފަރާތަށް ހުޅުވާލެވޭ ގޮތަށް ދަބަރުކުލައިގާ ކަޅުދަނގަޑަކުން ހަދާފައިވާ ވަރަށް ދުވަސްވީ ބިޑިއެކެވެ. އޮންނަނީ ހިސާބުއަކުރުގެ، 8 ހެނެވެ. ތިރީބޮޅުގެ ދަށުގައި މެދަށްވާގޮތަށް ހުޅުވާއި ލެއްޕޭގޮތަށް ހުޅެއްލާފައި މަތީބޮޅުގެ މެދުން ބޭރަށް ތަޅުލެވޭގޮތަށް ހަދާފައި އޮތް ބިޑިއެކެވެ. ތަޅުލާދިމާއިން މަތިންފޭ ކޮށް ހުޅުވާލާފައި ދެއަތް ވައްދާފައި ގާތްކޮށްލާއި ތަޅުދަނޑިއަކުން ތަޅުލާގޮތަށް ހަދާފައި އޮތް ފާޑެއްގެ އެއްޗެކެވެ. ކިޔާއުޅެނީ "އެއްހުޅުބިޑި" އެވެ. މިއީ ކީސްބިޑި އަށް ވުރެވެސް އަނިޔާ ބޮޑު ބިޑިއެކެވެ.
މިބިޑި ހުޅުވަން ފޭކޮށްލީމާ ކޮންމެފަޅިއެއް ހީވާނީ ހިސާބު އަކުރުގެ، 3 ހެނެވެ. ތިނެއްހެން އިންނަދެފަޅި އައިސްޖެހި ތަޅުލެވުނީމާ ހީވާނީ ހިސާބު އަކުރުގެ، 8 ހެނެވެ. މިބިޑި އަޅުވާލުމަށް ފަހު، ގަދަކަމުން ދެއަތުގެ އޮޅަބޮށި ފޭކޮށް ދުރުކޮށްލީމާ ދެއޮޅަބޮށި ދޭތެރޭގައި ގިނަވެގެން ހުންނާނީ، ދޭއް ނޫނީ ތިނެއް އިންޗިއެވެ. އެއަށްވުރެ ފުޅައެއް ނުކުރެވޭނެއެވެ. އަޅުގަނޑަކީ ބައިމަތިފުޅާ މީހަކަށްވާތީ، އަޅުގަނޑަށް މިބިޑިވެގެން ދިޔައީ ވަރަށް އަނިޔާހުރި އަޒާބަކަށެވެ. ބިރުވެރި އެއްޗަކަށެވެ.
80 ކިލޯގެ ވަރުގަދަކޮށް ހުންނަ، ކަސްރަތުކޮށް ހަދާ ފަލަމީހަކަށް ވާތީ މިބިޑި ގުޑުވާވެސް ނުލެވެއެވެ. އިންނަނީ ހަންގަނޑު ތެރެއަށްވަދެ އަތަށް ބާރުވެފައެވެ. ވަށައިގެން ހުންނަނީ ދުޅަވެފައެވެ. ނޫފައިގެންފައެވެ. އެހެނަސް ކުރާނެކަމެއް ނެތުމުން ކެތްކޮށްލީއެވެ. ސީދޮންނަން ފޫކޮޅާހަމައަށް، އެކުގައި ބަނދެވިފައި އޮންނަ ދެއަތް ނުގެންދެވެއެވެ. ހަށިގަނޑުގެ ގިނަ ތަންތާގައި އިނގިލިތަކުން އަތްޖައްސާ ނުލެވެއެވެ. އެއްވެސް ތަނެއްކަހާލާ ހަދައެއް ނޫޅެވެއެވެ. އެއްޗެއް ފޮޅާލައި ނުހެދޭނެއެވެ. ދެން ޖެހެނީ ހިރުވިޔަސް މަދިރިހެފިޔަސް ފުރޮޅިލާ ހަދާލާށެވެ. މިއީ ބޮޑުވެގެންވާ އަނިޔާއެކެވެ.
އިތުރަށް ތަދުނުކޮށް ދެއޮޅަބޮށި ދުރުކުރެވީ ގިނަވެގެން، އިނގިއްޔެއް ވަރަށެވެ. އެއަށްވުރެ ދުރުކޮށްލަން އުޅެފިނަމަ ކުޑަހުޅަށާއި ކޮނޑުހުޅަށް ތަދު އަރައެވެ. ވުޟޫޢުކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. އަޅުގަނޑު އަންނަނީ ނުތޯޑުވާ މުންޑަށް ވެފައި ސޯރުފޮތިކޮޅެއް ނުގެންގުޅޭތީ މުންޑުގަނޑު މުހެވުނީމާ އުޅެން ޖެހުނީ ވަރަށް ހާލުގައެވެ. ބައެއްފަހަރު އޮރިޔާމުން ވެސް އުޅެން ޖެހެއެވެ. ރީތިކޮށް މުންޑު އަނދެލާ ގޮށްޖަހާލުމަށް ބިޑިނައްޓާލަދޭތޯ އާދޭސްކޮށް އެދުމުން، ބިޑި ނުނެއްޓޭނެ ކަމަށް ވަގުތުން ޖަވާބުދިނެވެ.
ނެރުނު ފަހަރެއްގައި ޝަކޫރު އަރިހުން އެދުމުން ވެސް ދެއްވި ޖަވާބަކީ، “އެޅުވިއްޖެ ބިޑިއެއް، އިއުތިރާފު ނުވަނީސް ނުނެއްޓޭނެއެވެ.” މިހެންނެވެ. ހުކުރު ދުވަހު ފެންވަރުވަން ނައްޓާލަންދެން އުޅެންޖެހުނީ އެ ހާލުގައެވެ. އެ އަޒާބުގައެވެ. އެއްހުޅުބިޑީގައި ފުރަތަމަރޭ އުޅެންޖެހުނު ގޮތް ދުވަހަކު ވެސް މުޅިއުމުރުގައި ވެސް ހަދާނުން ކެހިގެން ނުދާނެއެވެ. ހުކުރު ދުވަހު، 20 މިނެޓަށް ބިޑިނައްޓާ، ބިޑީގައި ތިޔޮލާއި ސާފުކުރިއެވެ. އެއީ ފެންވަރާށާއި ގައިންތާހިރުވާން ދިންވަގުތު ކޮޅުގައެވެ.
ބިޑިސާފުކޮށް ފެންވަރުވަން ނެރެ މިހުރިހާ ކަމެއް ހިންގާ ހަދަނީ، ސުލައިމާނު ސަރުދާރެވެ. މިއީ ވަރަށް އަނިޔާވެރި ޑުޕްލިކޭޓު ނަކަލީ ބިޑިއަކަށް ވާތީ، އަޅުގަނޑު އަތަށާއި ހަށިގަނޑަށް، މިބިޑިބާރުކޮށް އޮތުމުން ވަރަށް ބޮޑެތި އަނިޔާތައް ލިބުނެވެ. ނައްޓާލި ވަގުތުހީވަނީ ސުވަރުގެއަށް ވަދެވުނު ހެންނެވެ. މިނިވަންކަމާ އެކު އުދުހިގަންނަން ހިތަށްއެރިއެވެ.
ފަހެ، މިއީ އިންސާނިއްޔަތާ މުޅިން ޚިލާފުބިޑިއެކެވެ. 24 ގަޑިއިރު ތެރޭގައި މިކަން ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. މިބިޑިއަށް އަޅުގަނޑު ދިން ނަމަކީ، “އޮޅުއަޅާ ބިޑި” އެވެ. އާންމުކޮށް ޖަލުތެރޭގައި ކިޔާ އުޅެނީ އެއްހުޅުބިޑި އެވެ.
އާދެ! މިރެއަކީ ހުކުރުވިލޭރެއެވެ. މާދަމާއަކީ ހުކުރު ދުވަހެވެ. މިރޭ އިރުއަރަންދެން ތަހުގީގު ކުރިޔަށް ގެންދިޔައެވެ. ދެތިންހަތަރު ފަހަރު ގޮޅިން ނެރެގެން ތަހުގީގުމޭޒަށް ގެންދިޔައެވެ. މުޅިން ވެސްކުރަނީ އެއް ސުވާލު ތަކެކެވެ. އުޅެނީ ނަފްސާނީގޮތުން ބަލިކޮށްލައިގެން އެބޭފުޅުން ބޭނުންވާ ގޮތަށް ބަޔާނެއް ނެގޭތޯއެވެ. ބޮޑަށް ބަލަމުން ގެންދިޔައީ މާލޭން ބަޔަކު ބަންދުކުރެވޭނެ ބަހެއް އަޅުގަނޑުގެ އަނގައިން ނެރެވޭތޯއެވެ. ޚާއްސަކޮށް ޑޮކްޓަރ ވަހީދު ތާށިކުރެވޭ ގޮތަށް ބަޔާނެއް ނެގޭތޯވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.
މިވެރިންގެ ވާހަކަތަކުން، އަލްފާޟިލް އަލީއަބްދުﷲ (އަލިބެ) މ.ޔާގޫތުގެ މާލެ އާއި އަލްފާޟިލް މަސްއޫދުއާލަމް މ.ލަކުސްލީން މާލެ ހައްޔަރު ކުރެވުނުކަން ސާފުވިއެވެ. މއ.ސިލްވަރސީން އަލްފާޟިލް އަލީވަހީދު ހަސަން އާއި އަލްފާޟިލް ނައުޝާދު ވަހީދު ހަސަން އާއި އަލްފާޟިލް މުހަންމަދު ޚަލީލު (މައްކޮ) ގ.އުތުރުގެ މާލެ ވެސް ދޫނިދޫއަށް ގެނެވިއްޖެކަން ކަށަވަރުވެ ސާފުވެއްޖެއެވެ. ޑޮކްޓަރ ވަހީދު އާ ވެސް މާލޭގައި ސުވާލުތަކެއް ކުރެވޭކަން މިބޭފުޅުންގެ ވާހަކަތަކުން އޮޅުންފިލިއެވެ.
މިބޭފުޅުންގެ އަމާޒަކީ ޑޮކްޓަރ ވަހީދު ދޫނިދޫޖަލަށް ގެނައުމެވެ. އެހެނަސް އަޅުގަނޑުގެ އިއުތިރާފު ބަޔާނެއް ނުލިބިގެން އެކަން ނުކުރެވިގެން އުޅޭކަންވެސް ސާފުވެއްޖެއެވެ. ފަހުން އެނގުނު ގޮތުގައި ޑޮކްޓަރ ވަހީދު ގެންގޮސް ވަރަށް ދަންވަންދެން އެރޭ ސިފައިންގޭގައި ބޭންދެވިއެވެ. ސިފައިންގެ އޮފިސަރެއް ކަމުގައިވާ، އަލްފާޟިލް ހަސަންޝާކިރު ޑޮކްޓަރ ވަހީދުއާ ގިނަސުވާލު ތަކެއްކޮށް ހެއްދެވިއެވެ. އަދި އެރޭ އެ ވަގުތުން ޑޮކްޓަރ ވަހީދު ދޫކޮށްލުމަށް ދުނިޔޭގެ އެތަން މިތަނުން ސިފައިނަށާއި ސަރުކާރުގެ ބައެއް އޮފީސްތަކަށް ފެކްސް މެސެޖްތައް ލިބުނުކަން ފަހުން އެނގުނެވެ.
އާދެ! އަނެއްދުވަހަކީ ޔޫނެއްގެ ޖޮބަކަށް، ޑޮކްޓަރ ވަހީދު ފުރާވަޑައި ގަންނަވަން ހަމަޖެހިފައިވާ ދުވަހަށް ވާތީ ހިންގާލިކަންތައް ގަނޑަކަށްވެއެވެ. މިރޭ އަޅުގަނޑާ ކުރެވުނު ސުވާލުތަކުގައި ބޮޑަށްބާރު އަޅަމުން ގެންދިޔައީ، ޖަވާހިރުވާދީ އަށް ވަދެއުޅޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައްކަމުން ގެންދިޔަ ވާހަކަތައް އޮޅުންފިލުވުމުގެ މައްޗަށެވެ. ތަކުރާރުކޮށް އެގޮތްމިގޮތަށް ސުވާލުކޮށްގެން އެއްބަސް ކުރުވޭތޯ އެ މީހުން މަސައްކަތްކޮށް ބެއްޔެވެ. ތަފާތުގޮތްގޮތަށް ތަފާތުމީހުންނާ ބެހޭގޮތުން ސުވާލުކުރިއެވެ.
އަނދަގޮނޑިއަށް ގެންދާނެކަމުގެ އިންޒާރުދީ ބިރުދެއްކިއެވެ. ޑޮކްޓަރ ވަހީދާއި މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކުގެ ބަޔާނެއް ހޯދަން ކުރެވެންއޮތް ހުރިހާކަމެއް މިބޭފުޅުން ކުރަމުން ގެންދިޔައެވެ. ވ.ޅަހުއްތު ވަރަށްގޮތްގޮތަށް ވާހަކަ ދެއްކެވިއެވެ. މަލާމަތްކޮށް ޒާތީގޮތުން ދިމާކުރާގޮތަށް ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑުގެ ބައްޕައަށް މަލާމާތްކޮށް ޖެއްސުމުގެރާގަށް ވާހަކަ ދެއްކެވިއެވެ. އިލްޔާސްމެން ބޮޑުކުރީ ބޮޑުސްޓޯރުން ނެގިފައިސާއިން ކަމަށް ވ.ޅަހުއްތު ބުނުއްވިއެވެ. މިހުރީ އޭނާގެ ހަޔާތްކުޑަކަމުގެ މިންވަރެވެ!
އަދިވެސް ވ.ޅަހުއްތު އަޅުގަނޑާ ދިމާއަށް ބުނުއްވިއެވެ. ޖަވާހިރުވާދީ އަޅާފައި އެހެރީ ސަރުކާރުގެ ފައިސާއިންނެވެ. ދައުލަތުގެ ޚަޒާނާ ދަވާލައިގެންނެވެ. އަދި ޖަވާހިރުވާދީ ދެކުނުފަރާތުގެ ފެންޑާގައި ގޮނޑިތައް އަތުރާފައި ހުންނަނީ މިހެންނޭކިޔާފައި އަޅުގަނޑަށް އެމީހުން އުފައްދާފައި އޮތް ޗާޓެއް ދެއްކިއެވެ. މިއީ އެމީހުން ކުރަހާފައިވާ ޗާޓެކެވެ. އުނދޯލި ދައްކާފައި އުނދޯލިކާރީގައި ހުރި ބޮޑުސަރަންފީ ދައްކާފައި ބުނުއްވަނީ، އިލްޔާސް މިސަރަންފީގައި އޮއްވާ މަޖިލީހުގެ މެންބަރުން ޑޮކްޓަރ ވަހީދު އަރިހުގައި ޖަލްސާތައް ކުރަމުން ގެންދަނީ މިތަނުގައެވެ.

މިގޮތަށް ޖަވާހިރުވާދީ ތެރޭގައި ހިންގޭ ޖަލްސާތަކުގައި ދައްކަމުން ގެންދަނީ ކޮންވާހަކަ ތަކެއްހެއްޔެވެ؟ ބުނެދޭށެވެ! މިފާޑަށް އިންޒާރުދީ ބިރުދެއްކިއެވެ. ދެންއޮތީ ތިޔަބިޑިއާ އެކު އަނދަގޮނޑިޔަށް ލާ ޗޭނުޖެހުން ކަމުގައި ބުނަމުން އިރުއިރުކޮޅާ ބިރުދައްކައެވެ. އަވަހަށް ޖަވާބުދޭށެވެ. ތަކުރާރުކޮށް ބުނެއެވެ! ޖަވާހިރުވާދި ޗާޓަށް އިޝާރާތްކޮށް ވިދާޅުވަނީ، މިތާގައި ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ވާހަކަދެކެވޭކަން މިތަނަށް އެނގިފައި ވެއެވެ. ކެނބިނެޓްވެސް ރާވާހަދާކަން އެނގިފައިވެއެވެ.
އަދި ސިފައިން ކުށްވެރިންނަށް، ގައިދީންނަށް އަނިޔާކުރާ ވާހަކަވެސް ދެކެވޭކަން ވަނީ އެނގިފައެވެ. އަދި ކުށްވެރިންގެ ނިޔަފަތި ސިފައިން އުފުރާ ވާހަކަ ވެސް ދެކެވޭކަން މިތަނަށް ވަނީ އެނގިފައެވެ. މިވާހަކަތައް ޖަވާހިރުވާދީ ތެރޭގައި ހިންގާ ސިއްރު ޖަލްސާ ތަކުގައި ދެކެވޭކަން އެންމެ ރަނގަޅަށް އެނގޭނީ އިލްޔާސަށެވެ. ކުށްވެރިންގެ ހައްގުގައި މަޖިލީހަށް ބިލެއްލުމަށް ވާހަކަ ދެކެވިފައި ވެއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ އަވަހަށް ކިޔައިދޭށެވެ. ބުނެދޭށެވެ. އޭރުން މިކަންތައް ނިންމާލެވުނީއެވެ. ބިޑިނައްޓާލާނަމެވެ!
އިލްޔާސަށް ލިބެމުންދާ އަދަބުތަށް އޭރުން ނިމުނީއެވެ. އަހުރެން އަނިޔާގެ ވާހަކަދައްކާ އިރު މިވެރިން ކިޔަނީ އަދަބުދެވޭނެ ވާހަކައެވެ. ބިޑިނައްޓާލައިގެން އަވަހަށް ދާންވީއެވެ. މިވާހަކަތައް ވ.ޅަހުއްތު ދައްކަވަމުން ގެންދިޔައިރު، ތާހާވަހީދު ވެސް ވަރަށް ރުޅިވެރި ކަމާއެކު، އެކިވާހަކަތައް ދައްކަވަމުން ގެންދިޔައެވެ. އޭނައަށް ވެސް ކިޔުނުއެއްޗެއް ގެންދަނީ އަޅުގަނޑާ ދިމާއަށް ކިޔަމުންނެވެ. ހުތުރުކޮށް ބަވަމުންނެވެ. ވާހަކަ ދައްކަވާއިރު އަނގައިން ބަނގުރާގެ ވަސްގަނޑު އަރައެވެ. ތާހާ ބުނުއްވިއެވެ! އިލްޔާސްގެ ފޮޓޯ ރައްޔިތު މީހުންގެ ތެރެއަށް ނެރެ ބަދުނާމުވެސް ކުރާނަމެވެ.
މީހުންގެ ތެރޭގައި މަގުހިންގާނަމޭ ވެސް ބުނުއްވިއެވެ. މިސުވާލުތަކަށް އަޅުގަނޑު ޖަވާބުދޭން ޖެހުމުން، އެއްވެސް އެއްޗެއް ނޭނގޭކަމަށް ދެންނެވުމުން ވަރަށް ރުޅިގަދަކޮށް ލާފައި އަނެއްކާވެސް ފޮނުވާލީ ގޮޅިއަށެވެ. ބިޑިއާއެކު، ގެންގޮސްލީ އަނިޔާވެރި، 21 ނަންބަރު ގޮޅިއަށެވެ. މިރޭ ހަންދުމެން އިރުއިތުކޮޅާނެރެ ސުވާލުކޮށް ވަރަށް އަނިޔާކުރިކަން އެނގުނެވެ. މިމީހުން ނެރެނީ އަޅުގަނޑު ގޮޅީގައި ހުންނަ ވަގުތެވެ.
ގޮޅީގައި އަޅުގަނޑު އަޅާފައި ހުރި ލޯވަޅުތަކުން ހަންދުމެން ނެރޭތަން އަޅުގަނޑު ބަލަމެވެ. ގޮޅިއަށް ވައްދަން ގެންދާތަން ވެސް ފެނެއެވެ. ހުންނަނީ އެއްހުޅުބިޑި އަޅުވާފައެވެ. ހަންދު އިންނަނީ، އަޅުގަނޑު ލާފައި ހުންނަ ގޮޅިއާވަރަށް ކާރިގޮޅިއެއްގައި ކަމުން، އޭނާ ވާހަކަ ދައްކާއަޑާއި ޖަހާފައި އޮންނަ ޗޭނުގަނޑުގެ އަޑު ބައެއް ފަހަރު އިވެއެވެ. ބައެއްފަހަރު ހަންދުގޮޅީގައި އަނދަގޮނޑީގައި ބައިންދައިގެން ސުވާލުކުރާހެން ވެސް ހީވެއެވެ. އިރުއިރުކޮޅާ ގޮޅީގައި އަޅާފައި ހުރި ލޯވަޅުތަކުން ބޭރުބަލަމުން ގެންދަމެވެ.
މާލޭން އަލަށްގެނައި މަސްއޫދުމެން މައްކޮމެން ނެރެވައްދާ ހަދާތަން ވެސް ފެނެއެވެ. 28 ޑިސެންބަރ 1990 ވީހުކުރު ދުވަސް އެކުގައި ދިޔައީ ގޮޅީގައެވެ. މުޅި އުމުރުގައި ވެސް ދިމާވި އެންމެ ބިރުވެރި، އަނިޔާވެރި ރެއަކަށް މިހާތަނަށް ތަޖްރިބާ ކުރެވިފައި ވަނީ މިރެއެވެ. އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަރިހުގައި ކިޔޮޅުކަމު ގޮސް، ބ.އަތޮޅު ދޮރުކަނޑު ފަޅުމަތީގައި ކަނޑުވެފައި ވެހޭހާ ވާރޭގައާއި ޖަހާހާގުގުރިއާއި ވިދާހާވިދުވަރު ތެރޭގައި ތިބެންޖެހުނު ރެއަށްވުރެ ވެސް ސިފައިންދެއްކި މިރޭގެ އަޒާބުތައް މާއަސަރު ގަދައެވެ. ބިރުވެރިއެވެ. ނާމާނެވެ!
29 ޑިސެންބަރ 1990 ވީހޮނިހިރު ދުވަހުހަވީރު އިރުއޮއްސެން ކާރިވެފައިވަނިކޮށް ގޮޅިންނެރެގެން ތަހުގީގަށް ގެންދިޔައެވެ. މިހާރު މިވާގޮތަކީ، ދޫނިދޫއަށް ތަހުގީގުޓީމު އަޔަސް އަދި ބޭރުގައި އެހެންކަމެއް ހިންގިޔަސް އަދި ކޮމިޝަނަރ އާދަންޒާހިރު މެންފަދަ ބޭފުޅަކު ދޫނިދޫއަށް ވަޑައިގެންނެވިޔަސް އެހިސާބަށް އަރައިފި މީހަކުވިއްޔާ އަޅުގަނޑަށް އޮޅުންފިލައެވެ. ފެނެއެވެ. ދޫނިދޫ އެ ސަރަހައްދުގައި ހިނގާހުރިހާ ކަންތަކެއް އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑުގެ ރާޑަރަށް އަރައެވެ. އަބަދުހެން އިރުއިރުކޮޅާ ގޮޅީގެ ޓިނުބިތް ތަކުގައި އެކިއެކިއޭންގަލަށް، ދުރުމިއަޅާލެވޭ ގޮތަށް އަޅުގަނޑު އަޅާފައި ހުރި ލޯވަޅުތަކުން ބަރާބަރަށް ބަލަމެވެ. މޮނިޓަރކުރަމުން ގެންދަމެވެ.
އެހެންވެ ދޫނިދޫގެ އެސަރަހައްދުގައި ވާނުވާ ހުރިހާކަމެއް އެނގެއެވެ. މިއަދު ތަހުގީގުޓީމު އައިކަންވެސް ތަހުގީގަށް މީހުންނެރޭ ކަންވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު ގޮޅިންނެރެގެން ތަހުގީގުމޭޒު ކާރިޔަށް ގެންދިޔައިރު އިސްކޮށް އިންނެވީ އަބްދުއްޝަކޫރެވެ. އަދި އެހެން އޮފިސަރުން ވެސް ތިއްބެވިއެވެ. މިއަދު ވަރަށްގިނަ ވާހަކަތައް އެންމެންވެގެން ދެއްކިއެވެ. އެކިގޮތްގޮތަށް ދިމާކޮށް ހެދިއެވެ. އަޅުގަނޑަށް މަލާމަތްކޮށް ހެދިއެވެ.
ކިޔަވަން އުޅުނުއިރު “ޖެނެރަލް އިލްޔާސް” އޭކިޔައިގެން އުޅުނީ، ސިފައިންގޭގެ ވެރިކަން ލިބޭނެކަމަށް ހީކޮށްގެންހޭ ކިޔާފަވެސް ތާހާއާއި ވ.ޅަހުއްތު މަލާމަތް ކުރައްވާއި ދިމާކުރެއްވިއެވެ. މަލާމާތުގެ ބައިވަރި ބަސްތައް ބޭނުން ކުރައްވައި ހެއްދެވިއެވެ. ކުރިޔަށްއޮތް ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވަރަށް ކުރާހިތްވޭތޯއޭ ކިޔައިގެން ވ.ޅަހުއްތު ވަރަށް މަލާމަތްކޮށް އެއްޗެހި ކިޔާ ހެއްދެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ﷲގެ އިރާދަފުޅުން ތިޔަކަހަލަ މަގާމަކަށް އާދެވިއްޖެނަމަ ތިޔަބޭފުޅުންނަށް ވުރެ އިންސާފުކޮށް ހުރިހާ ކަމެއްވެސް ގެންދާނެކަމުގެ ޔަގީންކަން މިހާރުވެސް އެބައޮތެވެ. މިހެން ދެންނެވީމެވެ.
ޔުނިވަރ ސިޓީތެރޭގައި ހުރިހާ ކުދިންވެސް އަޅުގަނޑަށް ގޮވަން ބޭނުންކުރަނީ، ޖެނެރަލް އިލްޔާސެވެ. އެއީ އަބަދުވެސް އެކުދިންގެ ކަންކަމުގައި އެކުދިންލީޑްކޮށް ދޭތީއާއި ޔުނިވަރސިޓީގެ ސްކައުޓް ލީޑަރަކަށް އަޅުގަނޑު ހުރީމާ އެކުދިން ކިޔާއުޅޭ ގޮތެވެ. އެގޮތުން އެނަން ހަރުވީއެވެ. ތިޔަބޭފުޅުންނަށް އަސަރު ކުރިޔަސް ކުރާނެކަމެއް ނެތެވެ. މަދީނާ ޔުނިވަރސިޓީ ތެރޭގައި ސަތޭކަ އެތައް ގައުމެއްގެ ކިޔަވާކުދިން އަޅުގަނޑަށް ކިޔާއުޅުނީ އެގޮތަށް އެނަމުންނެވެ. މިހާރުވެސް އޭރުގެ ބައެއްކުދިން ފެނުމުން އެގޮތަށް މިޚާޠަބުކޮށް "ޖެނެރަލް އިލްޔާސް" އޭ ގޮވާއި ހަދާނެއެވެ.
ދެން އެއަށް ފަހު އަޅުގަނޑު ގިނައިން ދެއްކީ، އަޅުވާފައި މިއޮތްބިޑީގެ އަނިޔާގެ ބޮޑުވާހަކައެވެ. ފާޚާނާއަށް ދާންވީމާ ނެރޭލެއް ލަސްކަމުގެ ވާހަކައާއި މިބިޑީގައި އޮންނައިރު ރަނގަޅަށް ތާހިރުނުވެވޭ ވާހަކަ ތަހުގީގުގައި ދެއްކީމެވެ. މުންޑުގަނޑަށް ދެކަމުދާތަކެތީގެ އަސަރުކޮށް މުޅިމުންޑުން ނަޖިހުގެ ވަސް އަރާވާހަކަ ވެސް ބުނީމެވެ. މިހާރުވެސް އެ ނުބައިވަހަކަށް އެދުވަނީ މުންޑުންދުވާވަހޭ ދެންނެވީމެވެ. ގިނަފަހަރު ހީސްލާން ޖެހެނީ، މުންޑުންބައެއް ފަހަރުވާއިން ތެމޭގޮތަށެވެ. އެގޮތަށް އޮވެ ހިކުމުން ހީސިވަސް ދުވަނީއެވެ.
ބަނދެފައި އޮންނަ ދެއަތުން ރީތިކޮށް މުންޑުގަނޑު ހިފާއްޓާ ނުލެވެނީއެވެ. ވަސްނުބައި ވެގެންމިއުޅެނީ އެހެންވެގެންނޭ ދެންނެވީމެވެ. ތިބޭފުޅުންނަށް ހީސިކުނިވަސް ނުދުވާތޯއެވެ؟ އިންސާނުން މިފަދަ އަނިޔާގައި ބައިތިއްބައިގެން ނުވާނެކަމުގައި ދެންނެވީމެވެ. 27 ވަނަދުވަހާއި، 28 ވަނަދުވަހު ވުޟޫއުކޮށްލަން ނެރެދޭށޭ އެދުނީމާ ގޮޅިން ނުނެރުނު ވާހަކަވެސް ދަންނަވައި ފީމެވެ.
މިހުރިހާ ވާހަކަތަކެއް ގޮވާލާ ނިމިގެން، ވ.ޅަހުއްތާ ދިމާއަށް ވުޟޫޢުކޮށްލާއި ނަމާދުކޮށްލުމަށް ޓަކައި ތާހިރުވާން ބޭނުމޭ ދެންނެވީމާ ނުލަފާ ގޮތަކަށް ވިދާޅުވީ، “އެޅުވިއްޖެ ބިޑިއެއް އިއުތިރާފު ނުވަނީސް ނެއްޓޭކަށް ނޯންނާނެއެވެ.” މިހެންނެވެ. ނަމާދުކުރިޔަސް ނުކުރިޔަސް އެޅުވިއްޖެ ބިޑިއެއް ތަހުގީގު ނުނިމެނީސް ނެއްޓޭކަށް ނޯންނާނެއެވެ. ނަމާދަކީ، ހުރިހާ ހާލަތެއް ގައިވެސް ކުރެވޭނެކަމެކޭ ބޭނުމިއްޔާ ކުރާށޭ ވިދާޅުވެފައި އަޅުގަނޑުގެ ކުރިމަތީގައި އޭނާ ގޮސް އެރީ، ދޫނިދޫގައި ހުރި މިސްކިތަށެވެ. އަޅުގަނޑު ބޭންދީ މިސްކިއް ފެންނަން ހުރި ހިސާބެއްގައި އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެއްގައެވެ.
މިކަންމިގޮތަށް ކުރީވެސް އަޅުގަނޑަށް އަސަރުކުރުވަން ވެގެންކަން އަޅުގަނޑަށް އެނގުނެވެ. މިގޮނޑީގައި، 15 ވަރަކަށް މިނެޓް ބޭންދުމަށް ފަހު، ސުލައިމާނު ސަރުދާރު އައިސް، އަޅުގަނޑު ގެންގޮސް ގޮޅިއަށްލާ އަނެއްކާވެސް ބަންދުކޮށް ތަޅުލައިފިއެވެ. ގޮޅީތެރޭގައި ތައްޔާރުކޮށްފައި އޮތްއަނދަގޮނޑީގައި ޗޭނުގަނޑެއް ތަޅުއަޅުވާފައި އޮއްވާ ފެނިއްޖެއެވެ. އަޅގަނޑު ހިތައްއެރީ މިރޭ މިއުޅެނީ، ބިޑިއާއެކު އަނދަގޮނޑި ޖަހާއި ޗޭނުޖަހާށެވެ. ދެން އަނެއްކާވެސް ނެރުނީ، ދެގަޑިއެއްހާ އިރުފަހުންނެވެ. އޭރު އިޝާނަމާދު ނިމި ކާންދީ ހަދާ ނިމިއްޖެއެވެ.
ތަހުގީގު މޭޒުދޮށަށް ގެނެސް އެމީހުންގެ ކުރިމަތީގައި ބައިންދައިފިއެވެ. ފުރަތަމަވެސް ވާހަކަދެއްކެވީ ޝަކޫރެވެ. ވިދާޅުވީ އަވަހަށް އެއްބަސްވާށެވެ. ޑޮކްޓަރ ވަހީދު އަރިހުގައި މަޖިލީހުގެ މެންބަރުން ޖަވާހިރުވާދީއަށް ވަދެދައްކަވަނީ ކޮންވާހަކަތަކެއް ހެއްޔެވެ؟ ސަލްޓަންޕާކްގައި ގޮއްވާލި ގެވެހިބޮން ގޮއްވާލިކަން އިލްޔާސަށް އެނގޭނެއެވެ. ހަންދުއެވާހަކަ އިލްޔާސަށް ކިޔައިދިންގޮތަށް މިތާނގައި ކިޔައިދޭށެވެ. އެހެންނޫނީ ދެންދާންޖެހޭނީ އަނދަގޮނޑިއަށެވެ. އިލްޔާސް ކޮއްކޮ ހަންދުވެސް އޮތީ އަނދަގޮނޑީގައެވެ. އިލްޔާސަށް އެކަންއެނގޭނެއެވެ.
އަނދަގޮނޑިއަށްލުން:
ހަންދުބުނަނީ، އޭނާ އިލްޔާސް ކައިރީގައި ހުއްޓާ އިލްޔާސްގެ އެހެންކޮއްކޮއެއް އެތަނަށް އައިސް އިލްޔާސްގާތުގައި އެވާހަކަބުނެފައި ވާނެކަމަށެވެ. އަވަހަށް މިގޮތަށް އެއްބަސްވާށެވެ. އެހެންނޫނީ، ގޮޅިޔަށް އަނދަގޮނޑިއަށް ދާންވީއެވެ. އަޅުގަނޑު އިތުރުއެއްޗެއް ނުބުނުމުން ސުލައިމާނަށް ޝަކޫރު އެންގެވީ، މީނާ ގެންގޮސް އަނދަގޮނޑި ޖަހާށެވެ. ދެން އަޅުގަނޑު ގެންގޮސް އަތުގައިއޮތް ބިޑިއާއެކު އަނދަގޮނޑި ޖެހީއެވެ. އަނދަގޮނޑި ޖަހަމުން ދިޔައިރު ސުލައިމާނު ސަރުދާރާ ވަރަށް ގިނަވާހަކަތައް އަހުރެން ދައްކަމުން ދިޔައިމެވެ.
އަޅުގަނޑު ބުނީމެވެ! ﷲ ގަންދީހުވާކޮށްފައި މިދަންނަވަނީ އެއިންކަމެއް، ބޮމެއް ހެދިކަމެއް، ގޮއްވިކަމެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ހަމަ ނޭނގެއެވެ. ދޮގެއްނުހަދަމެވެ. އަޅުގަނޑު މިއުޅެނީ ތިޔަކަމެއް ބަޔަކު ކުރި އިރު ސުލައިމާނުގެ ބެއްލެވުމުގެ ދަށުގައި ނޫންތޯއެވެ. އަޅުގަނޑަށް އެނގޭކަމެއް ނަމަ ކިޔައި ނުދޭންވީ ކީއްވެގެން ހެއްޔެވެ. ސުލައިމާނު ގާތުގައި އެތައްފަހަރަކު އާދޭސްކޮށް ބުނެދީފީމެވެ. އޭނާގެ މަސައްކަތުގައި މި އަޑުއައްސަވަން އޭނާ ހަމަ މަޑުން އޮތީއެވެ.
ސުލައިމާނު ސަރުދާރު ފުށުން ހަމްދަރުދީގެ ފާޑުތަކާއި އަސަރުތައް އަމަލުން ފެނުނެވެ. އެއްވެސް ނޭތްގާނީ ހަށުކަށިކަމެއް ނުދައްކަވައެވެ. އޭނައަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ބަލާ މީހެކެވެ. ކަމުދާ މީހެކެވެ. އެކަން އެވަނީ ކިހިނެތްކަމެއް ނޭނގެއެވެ! ސުލައިމާނު ގޮސް ޝަކޫރު އަރިހުގައި މިވާހަކަތައް ދަންނަވައިގެން މިއަނިޔާއިން އަޅުގަނޑު ސަލާމާތްކޮށް ދިނުމަށް ސުލައިމާނު ގާތުގައި، ތަކުރާރުކޮށް އެދެމުން، ބުނަމުން ގެންދިޔައިމެވެ. އަޅުގަނޑު އަނދަގޮނޑި ޖަހަމުން އޭނާ ގެންދިޔަ އިރު އެތައް އާދޭހެއް މިގޮތަށް އަހުރެން ކުރީމެވެ. ނުހައްގު އަނިޔާ އަކީ އެނބުރި އިއާދަވުން ވަރަށް ކައިރި ކަމެއް ކަމުގައި ވެސް ނަންގަތީމެވެ!
ސުލައިމާނު އަނގައިން އެއްވެސް އެއްޗެއް ނުބުނުއްވައެވެ. އެމަސައްކަތް ކުރިޔަށް ގެންދެވީއެވެ. އެހެނަސް ހުންނެވީ ވަރަށް މަޑުމައި ތިރިކޮށެވެ. ދެރަވެފައެވެ. މަޑުމައިތިރި، މަޑުމޮޅި ކޮށެވެ. އަޅުގަނޑުގެ ފައިތަންތަނުގައި އަނދަގޮނޑިޖަހަން ވެގެން ހިފާހެދީ ވަރަށް އަދަބުވެރި ކޮށެވެ. އަޅުގަނޑު މިހާލުގައި ބާއްވާފައި، މީނާ އަޅުގަނޑުގެ އަތުގައި އޮތް ބިޑިއާއެކު އަނދަގޮނޑި ޖަހާފައި ޗޭނުގައި އަތްވެސްނުލާ ގޮޅިންނުކުމެގެން ހިނގައްޖެއެވެ. މިވަގުތުކޮޅު އަޅުގަނޑުގެ ހިތަށްވަރަށް ގިނައަސަރުތައް ކުރިއެވެ. އޭތި މީތި ހަނދާނަށް ގެނެވުނެވެ. މިމީހުންގެ އަނިޔާވެރިކަން ހިތަށް ގެނެވުނެވެ. ﷲ އަށް ހެޔޮދުޢާތައް ކުރެވުނެވެ!
ހަންދުއާއި ހުރިހާކޮއްކޮމެންގެ މަތިންވަރަށް ހަދާންވެ އެމީހުން ތިބޭނެގޮތާއި ހާލަތު ހިތަށް ގެނެސް ސިފަ ކުރެވުނެވެ. ހަންދުއޮތީ ޖެހިގެން ހުރި ގޮޅިއެއްގައި އަނދަގޮނޑީގައި ޗޭނުޖަހާ ވާންކޮށްފައިކަން އަޅުގަނޑަށް އެނގެއެވެ. އެހާލަތުގައި އަބަދުވެސް އިންނަން ޖެހޭނީ ގުދަށެވެ. ބައެއް ފަހަރު އޭނާގެ އަޑުވެސް އިވެއެވެ. އިބުރޭ، ބިގޭ، އަދި އަލީ "އަލީރަޝީދު ހުސައިން" ވެސް މިގޮޅިތަކުގައި ވާކަން އަޅުގަނޑަށް އެނގޭތީ ވަރަށް އަސަރުކުރިއެވެ.
މިވިސްނުން ގަނޑުގައި އިރުގަނޑަކު އޮތުމަށް ފަހު ހިތަށްފިނިކަމެއް އައުމުން ގުރުއާނުން ހިތުދަސް ސޫރަތްތައް ތަކުރާރުކޮށް ކިޔެވުމާއި ތަހުގީގުކުރަން ތިއްބެވި، ޝަކޫރު މެންގެހިތަށް ފިނިކަމެއް ވައްދަވާއި އަނދަގޮނޑީގެ އަނިޔާއިން އަޅުގަނޑު ސަލާމަތްކޮށް ދިނުމަށް މިބޭފުޅުންގެ ހިތްތަކަށް ވައްދަވާއި ދެއްވާތޯ، ﷲ އަށް ދުޢާ ދަންނަވަން އެ ހާލުގައި އޮއްވާ ސުލައިމާނު ސަރުދާރު ދުރުވެ ގޮޅިހުޅުވި އަޑު އިވިއްޖެއެވެ. ފުރަތަމަ ވެސް އަލުގަނޑު ހިތަށް އެރީ އިރާދަކުރެއްވިއްޔާ މިއަނިޔާއިން، ﷲ އަޅުގަނޑު ސަލާމަތް ކުރައްވާނެ ގަޑިޖެހުނީ ކަމަށެވެ.
ގޮޅިއަށް ސުލައިމާނު ސަރުދާރުވަދެ އަނދަގޮނޑިން އަޅުގަނޑު ނަގައިގެން ތަހުގީގު މޭޒުދޮށަށް އަޅުގަނޑު ގެންގޮސް އެމީހުންގެ ކުރިމަތީގައި އަޅުގަނޑު ބައިންދައި ފިއެވެ. އޭރު އެރޭ ގަޑިން ފަތިހު ތިނެއްޖަހާ ބޮޑުވެދާނެއެވެ. ލަފާކުރެވޭ ގޮތުގައި މެންދަމުން އަލިވެ، ހަތަރަކަށްވުރެ ބޮޑުވެދާނެއެވެ. ފުރަތަމަވެސް ވާހަކަދެއްކެވީ ޝަކޫރެވެ. އިލްޔާސް ބުނަނީ ކީކޭތޯއެވެ؟ ތެދުހަދާފައި ތިޔައަދަބުން އަވަހަށް ސަލާމާތް ވާންވީއެވެ. މިކަހަލަ ވާހަކަތަކެއް ވ.ޅަހުއްތާއި މޯރާތައުފީގާއި މުހަންމަދު އިބްރާހީމް ވެސް ވަރަށް ދިކުކޮށް ދައްކައިފިއެވެ.
މިފަހަރު މިދެއްކި ވާހަކަތަކާ ގުޅިގެން، އަޅުގަނޑުގެ ހިތްތިރިވެ ކޮންމެވެސް ވަރަކަށް އެއްބަސްވާންވީއޭ، އޭރުން ހަންދު އާއި ކޮއްކޮމެންނަށް ދެމުންގެންދާ އަނިޔާތަކަށް ލުއިވެދާނޭ ހިތަށްއަރަން ފަށައިފިއެވެ. އަދި އަޅުގަނޑާއި އަންނިމެން މީގެތެރެއަށް ވަދެގެންނޫނީ މިތަހުގީގު ހުއްޓާނުލާނެއޭ ހިތަށް ވަދެއްޖެއެވެ. އަހުރެން މީގެ ތެރެއަށް މި ވަންނަން ޖެހެނީ ދޮގުހަދައި ގެންނެވެ. ނޭންގޭކަމެއް އެނގޭކަމެއްކަމަށް ހަދާއި އެއްބަސްވެ ބަޔާންދީގެންނެވެ. ކަންމިހެން އޮތަސް މި މީހުން މި ބުނާގޮތަށް އެއްބަސް ވުމަށް އަޅުގަނޑުގެ ހިތްބުނާން ފަށައިފިއެވެ.
ހަންދުމެންގެ ތަހުގީގު ވެސް ފަސޭހައިން ނިންމާއި އިތުރު އަނިޔާތައް ހުއްޓޭނީ، އަޅުގަނޑު މިކަމަށް އާނއެކޭ ބުނެގެންކަން އަޅުގަނޑަށް ވިސްނި މުޅިން ކަށަވަރު ކުރެވިއްޖެއެވެ. ﷲ އަށް ޝުކުރުކޮށް، ނޭންގޭކަމެއް އެނގޭކަމަށް ހަދައިގެން މީގެތެރެއަށް ވަނުމަށް އަޒުމްކަނޑައަޅައި ހިތުތެރެއިން ނިންމައިފީމެވެ. ވިސްނާލަން އިރުކޮޅަކު އިންނަންފެށީމާ، މޯރާތައުފީގާއި މުހަންމަދު އިބްރާހީމާއި ވ.ޅަހުއްތާއި ތިންމީހުންވެގެން ސަލްޓަންޕާކްގައި ގޮއްވާލިބޮން، ގޮއްވާލިކަން އަޅުގަނޑަށް އެނގެން ދިމާވިގޮތް ކިޔައިދޭން ފަށައިފިއެވެ. އަޅުގަނޑު ހުއްޓުންއަރާފައި މި އިންނަނީ، އެއްބަސްވާން ކިޔައިދޭނެ ގޮތެއް ނޭނގި ގެންނެވެ. ދޮގުހަދަން ޖެހޭތީ ކިޔާނެ އެއްޗެއް ނޭންގިގެންނެވެ.
އެހެން އިންދާ މޯރާ ތައުފީގު ކިޔައި ދެނީ މިހެންނެވެ. އިލްޔާސްގެ ކޮއްކޮ އިއްސޭ (އިސްމާޢީލް ރަޝީދު ހުސައިން)، ހަންދުކައިރީގައި މިގޮތަށް ބުނެދީފައި ވާކަމަށް ހަންދު އެބަ ކިޔައިދެއެވެ. ހަންދުގޭގައި އިންދާ އެއްރެއަކު، އިސްސޭ އައިސް ހުއްޓިފައި ސަރަންފީތަކާ ދިމާއަށް ފެންޑާއަށް ނުކުންނަން ހުންނަ ބޮޑު ދޮރުކަނީގައި ލެގިލައިގެން ހުރެ، އިލްޔާސް އެވަގުތު ސަރަންފީގައި އޮންނަވަނިކޮށް، އިލްޔާސްކާރީގައި އިއްސޭ ބުނަނީ، ސަލްޓަންޕާކްގައި ހަންދުމެން ބޮމެއް ގޮއްވާލި ވާހަކައެވެ.
އިއްސޭ މިހެން ބުނީ، އިލްޔާސަށް އަޑުއިވޭވަރަށެވެ. މޯރާ ތައުފީގުމެން މިގޮތަށް އިއްސޭބޮލުގައި އަޅުވައިގެން މިސްޓޯރީ ކިޔައިދޭން ފެށީމާ، އަޅުގަނޑު ހިތަށް އެރީ އަޅުގަނޑަށް މިކަންއެނގުނީ މިގޮތަށް އިއްސޭގެ ފަރާތުންކަމަށް އަވަހަށް އެއްބަސް ވާންވީއެވެ. މިބޭފުޅުންގެ ފަރާތުން ސްޓޯރީއެއް ވެސް މި އެނގުނީތާއެވެ. އަދި މިގޮތަށް ހަންދު އެއްބަސް ވާކަން ވެސް މޯރާތައުފީގު މެންގެ ފަރާތުން މި އެނގުނީއެވެ.
މިއީ އެއްބަސްވާން މޮޅުގޮތެއްކަމަށް އަޅުގަނޑުގެ ހިތަށް ވަދެ، ގަބޫލުކުރެވުނުލެއް ބޮޑުކަމުން، އެމީހުން ކިޔައިދެއްވި ގޮތަށް އަޅުގަނޑު އެއްބަސްވަމޭ މޯރާތައުފީގު މެންނަށް މުޚާޠަބުކޮށް ދަންނަވައިފީމެވެ. އާދޭހެވެ! ތިޔައީ ތެދެކޭ ދެތިން ފަހަރު ތަކުރާރުކޮށް އަހުރެން ދަންނަވައިފީމެވެ. ހަންދު އަޅުގަނޑު ކައިރީގައި އިށީދެގެން އިންނަނިކޮށް އިއްސޭ އައިސް މިވާހަކަ އަޅުގަނޑަށް ކިޔައިދިންކަމަށް އެއްބަސް ވުމުން، މިބޭފުޅުން ވަރަށް އުފާވެ ހިތްހަމަ ޖެހިއްޖެކަން އެބޭފުޅުންގެ މޫނުތަކުން އެވަގުތު ފެނިގެން ދިޔައެވެ.
އޭރަކު އިއްސޭވަނީ ފިލައިގެން އެމެރިކާއަށް ފުރައިގެން ގޮސްފައި ކަން ގެއިން އެނގިފައި އޮތަސް މިވެރިން ބުނަނީ އިސްސޭ ބޭރުން ގެނެސް ދޫނިދޫގައި ބަންދުކުރެވިފައިވާ ކަމަށެވެ. އެހންވެ ފަސޭހައިން މިގޮތަސް އެއްބަސްވެ އާދޭހޭ ދެންނެވީއެވެ! އެހެނަސް ފަހުން ސާފުވި ގޮތުގައި އޭނާ ވަނީ އެދިޔަގޮތަށް ގޮސް އެމެރިކާއިން ސިޔާސީ ހިމާޔަތް ހޯދާފައެވެ. މިކަންތައްގަނޑުން ބަންދުނުވެ ސަލާމަތްވީ އޭނާ އެކަންޏެވެ.
އާދެ، މިހާ ހިސާބުން މުޅިން އެހެން މައުހޯލަކަށް ތަހުގީގުކުރުން ބަދަލުވެއްޖެއެވެ. މިބޭފުޅުން ހެއްދެވި އުކުޅު، އަޅުގަނޑަށް ފަހުން އޮޅުންފިލައި ސާފުވިއެވެ. އަޅުގަނޑު ކައިރީގައި ބުނަމުން ގެންދިޔައީ އިއްސޭ ވެސް މިތާނގައި ދޫނިދޫޖަލުގައި ބަންދުކޮށްފައި އެބަހުރިކަމަށެވެ. އެމީހުން ވަނީ މިގޮތަށް އެއްބަސްވެފައެވެ. ބަޔާން ވެސް މިއޮއްތީއެވެ. ~ނުނިމޭ~



Comments