ޖަވާހިރުވާދީ އިލްޔާސް، ހަތަރުވަނަފަހަރު ޖަލަށްލެވުނީ، އީވާން ނަސީމްގެ މަރާއި ޖަލުގައި ސިފައިން ބަޑިޖެހުމުން މާލޭގައި ހިނގާދިޔަކަންތަކާ ގުޅިގެންނެވެ. (އެއްވަނަ ބައި)
*އީވާން ނަސީމަށް އަނިޔާކޮށް މަރާލުން:
*މިހާދިސާގެ ފަހަތުގައިވާ އަސާސީ ސިއްރުތަކާއި ނަތީޖާއަކަށް ވެގެން ދިޔަ ކަންތައް:
*ސިޔާސީކަޅުކަންބަޅި:
*ފުރަތަމަ ހުވަފެން:
*ދެވަނަ ހުވަފެން:
*ތިންވަނަ ހުވަފެން:
*ހަތަރުވަނަ ހުވަފެން:
*ފަސްވަނަ ހުވަފެން:
*ޙާދިޘާގެ ކުރުޚުލާޞާއެއް:
*އީވާންނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހި މައްސަލަ ބެލުމަށް ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަން:
*އީވާނު ބެއްލެވި ޑޮކުޓަރުގެ ބަޔާން:
*އީވާން މަންމަގެ ވާހަކަތައް:
*ރައީސްމައުމޫނުގައުމާ މުޚާޠަބު ކުރެއްވުން:
*މިޙާދިޘާގައި އަޅުގަނޑު ޖަލަށް ގެންދިއުން:
*ވީއައިޕީ ގޮޅިކޮޓަރިއަށްލާއި ތަޅުލުން:
އީވާން ނަސީމަށް އަނިޔާކޮށް މަރާލުން:
ޙަސަން އީވާން ނަސީމް، މ.އޭޝިޔާ މާލެ އަށް ޖަލުގައި އަނިޔާކޮށް މަރާލުމާއި ޖަލުގައި ގައިދީންގެ ތެރެއަށް ބަޑިޖަހައިގެން ބަޔަކު މަރާލުމަކީ، ދިވެހިގައުމު ސިއްސުވާލި އާދަޔާޚިލާފު ކުއްލިޝޮކެއް ލިބުނު ވަޙުޝީ ޢަމަލެކެވެ. މިކަމައި ޝައްކު އުފައްދާނެ އެއްވެސް ދިވެއްސެއް ނުހުންނާނެ ކަން ކަށަވަރެވެ.
ފަހެ ދަންނާށެވެ! 19 އަދި 20 ސެޕްޓެމްބަރ 2003 މ. ވީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ، ދިވެހިތާރީޚުގައި ފާހަގަކޮށް ފަވާލެވިފައިވާ ވަރަށް ތާރީޚީ ދެދުވަހެވެ. އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެނުން ވެގެންދިޔައީ ޒަމާންވީ ވެރިކަމުގެ މިސްރާބު އިސްލާހައި ދިމާއަށް ބަދަލުކޮށްލި އިސްތިރާތީޖީ ޝޮކަކަށެވެ.
މިޝޮކައި ގުޅިގެން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކެކިގަނެ އުތުރިއެރިއެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލާހެދިއެވެ. މާފުށީ ޖަލުގެ މި ހާދިސާއާއި މާލޭ ގައި ހިންގި ހަމަނުޖެހުން ތަކަކީ ދިވެހިރާއްޖޭގެ ޒަމާނީ ސިޔާސީ އަދި އިޖުތިމާއީ ތާރީޚު ބަދަލުކޮށްލި އެންމެ ބޮޑު އެއް ހާދިސާއެވެ.
އަނިޔާކުރުން: އީވާނުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެވޭ، ޖަލުގައި ހިނގި ކުޑަކުޑަ ހަމަނުޖެހުމަކާ ގުޅިގެން، އީވާން ނަސީމު ގޮޅިން ނެރެގެން "ރޭންޖް" އަށް ގެންގޮސް، ސެކިއުރިޓީ އޮފިސަރުންގެ ޓީމަކުން ވަނީ ލަކުޑިބުރިއާއި، ބަޓަން، އަދި އަތުންފައިން ތަޅާއި ނުހައްގުން ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

މަރުވި ސަބަބު: ސިއްހީ ރިޕޯޓުތަކުން ދެއްކި ގޮތުގައި އީވާން މަރުވީ އަނިޔާތަކުގެ ސަބަބުން އޭނާގެ ފުއްޕާމެޔަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ.
ސިއްރު ފަޅާއެރުން: އީވާންގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެނައުމުން، އޭނާގެ މަންމަ، އަލްފާޟިލާ މަރިޔަމް މަނިކެ ވަނީ ހަށިގަނޑުގައި ހުރި އަނިޔާގެ ނިޝާންތައް ލޮލުން ދެކެ، އަތުންއަތްލައި، ކަފުންކޮށްފައި އޮތް ފޮތިގަނޑު ކަޝްފުކޮށް، އީވާން މަރާލާފައިވާކަން އާންމުންނަށް ހާމަކޮށް، ކަށަވަރުކޮށް ދީފައެވެ.

އަދި މިމަރާ ވިދިގެން އޭގެ އަނެއް ދުވަސް ކަމުގައިވާ، 20 ވީ ހޮނިހިރު ދުވަހު މާލޭގައި ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެ، ސަރުކާރަށް ދައްކާލީ ވަރަށް ޒަމާނީ އިހްތިޖާޖެކެވެ. ސަރުކާރު ސިއްސުވާލި ބިރުވެރިކަމެކެވެ. މިހާރުގެ ގޮތުން ދަންނަވަނީނަމަ، ސަރުކާރަށް ގޮންޖެހި މޮޑާން ތުރެޓެކެވެ. ސްޓުރެޓެޖިކު ޝޮކެކެވެ.
ޖަލުގެ އިހުތިޖާޖު: އީވާން މަރުވި ޚަބަރު ޖަލުތެރޭގެ ގައިދީންނަށް ލިބުމުން، އެމީހުން ވަނީ އެކަމުގެ ހަގީގަތް ހޯދުމަށް އެދި އިހުތިޖާޖުކޮށް ގޮޅިތަކުން ނުކުމެފައެވެ.
ބަޑިޖެހުން: ސިފައިން/ޖަލު ބެލެހެއްޓެވި ސެކިއުރިޓީ އޮފިސަރުން ވަނީ އަމާން އިހުތިޖާޖު ކުރި އެއްވެސް ނުރައްކަލެއް ނެތް އާންމު ގައިދީންގެ ހަށިތަކަށް ލައިވް ވަޒަނުން ބަޑިޖަހާފައެވެ.

ގެއްލުން: މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ސިފައިން އަމިއްލަ ރައްޔިތުންގެ ހަށިތަކަށް ބަންދު ޖަލެއްގައި ބަޑިޖެހި ފުރަތަމަ ފަހަރެވެ. މި ހާދިސާގައި، 3 ގައިދީއަކު (ޢަބްދުالله އަމީން، އަޙްމަދު ޝިޔާޒް، އަދި ޢަލީ އަސްލަމް) ނިޔާވެ، 17 އަށްވުރެ ގިނަ ގައިދީންނަށް ވަޒަންއަރައި ބޮޑެތި އަނިޔާތައް ލިބިފައެވެ.

ދެން މީގެފަހުން އެފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ސަރުކާރަށް މަޖްބޫރުވީ، ރައްޔިތުންގެ ވިންދާއެއްގޮތަށް ރައްޔިތުން ގޮވަމުން، އަޑުއުފުލަމުން ގެންދިޔަ އިސްލާހުތަކާ ދިމާއަށް ގައުމުގެ މިސްރާބު އަނބުރާލާށެވެ. ސަރުކާރަށް މިކަންތައް މިގޮތަށް ކުރުމަށް މަޖުބޫރު ވިއެވެ. ހަމައެރޭ އިރާކޮޅު ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބު ކުރެއްވިއެވެ. ކުރުތަގްރީރެއް ދެއްވިއެވެ.
މައްޗަށް ޖައްވަށް ފަޒާއަށް ދިވެހިންގެ ގަޔަށް ބަޑިޖަހަން ޖެހުނުކަމަށް ރައްޔިތުންގެ ކުރުމަތީގައި އިޢުތިރާފްވެ ވަޑައިގަތެވެ. އަދި މާލަސްތަކެއް ނުވެ، އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރެއްވިއެވެ. ހިއުމަން ރައިޓުސް ބިލަކާއި ސިވިން ސަރވިސް ބިލެއް މަޖިލީހަށް ވައްދައި ކުރު މުއްދަތެއްގައި އަމަލީސިފަ ގެނެވުނެވެ. އަދި ސަރުކާރުގެ މިއަމަލާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ އިސްލާހީ ހަރަކާތްތައް ބޭރާއި އެތެރޭގައި ވަރަށްބާރު ސްޕީޑުގައި ކުރިޔަށް ގެންދަން ފެށުނެވެ.
މިހާދިސާގެ ފަހަތުގައިވާ އަސާސީ ސިއްރުތަކާއި ނަތީޖާއަކަށް ވެގެން ދިޔަ ކަންތައް:
ޖަލުތަކުގެ އަނިޔާވެރިކަން ފަޟީޙަތްވުން: މި ހާދިސާއާ ހަމައަށް ޖަލުތަކުގައި ކުރެވޭ އަނިޔާތަކަކީ ބޮޑުސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ. ނަމަވެސް އީވާންގެ މަރާ އެކު، ސަރުކާރުން ބޭނުން ކުރަމުން ދިޔަ އަނިޔާވެރި ވަސީލަތްތައް މުޅި ރައްޔިތުންނަށް ބަޒާރުވެ ފަޅާއެރިއެވެ.
ރިޔާސީ ކޮމިޝަނާއި ހުކުމްތައް: ރައްޔިތުންގެ ހިމޭން އިހުތިޖާޖުތައް ބޮޑުވުމުން ރައީސް މައުމޫނު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އެކުލަވާ ލެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އީވާންގެ މަރުގެ މައްސަލައިގައި ސިފައިންގެ، 8 މީހަކަށް މަރުގެ ހުކުމް ކުރެވުނެވެ. އަދި ފަހުން، 25 އަހަރަށް ކުޑަކުރެވުނެވެ.
ދިވެހިރާއްޖޭގެ އިޞްލާޙީ ހަރަކާތް ފެށުން: މި ހާދިސާއަކީ ދިވެހިރާއްޖެއަށް އައި ސިޔާސީ ބޮޑު އިޞްލާޙީ ހަރަކާތުގެ އެންމެ ބޮޑު "ޓާނިންގ ޕޮއިންޓް" އެވެ. މިކަމުގެ ސަބަބުން އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީތައް އުފެއްދުމަށާއި، އިންސާނީ ހައްގުތަކުގެ ކޮމިޝަން (HRCM) އުފެއްދުމަށާއި، އަދި، 2008 ގެ އާ ގާނޫނުއަސާސީއަށް މަގު ފަހިވެގެންދިޔައެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގެ ތާރީޚަށް ނަޒަރުކުރާއިރު ޚުދުމުޚްތާރު ދިގުމާޒީއެއް އޮންނަ ގައުމުތަކުގައި ސަރުކާރު އިސްވެ އަޑީގައި އޮވެގެން މިޒާތުގެ ނުބައިނުލަފާ ކަންތައް، ޙާދިޘާތައް ގަސްދުގައި ގައުމުގެ ސިޔާސީ ކުރިމަގު އެހެންދިމާއަކަށް ލަންބާއި ބަދަލުކޮށްލާއި ޓްވިސްޓުކޮށް ލުމަށްޓަކައި ވަރަށް ސިއްރުގޮތުގައި ރާވައިގެން ތަންފީޒުކޮށްފައި އެބަހުއްޓެވެ.
ޖަލުފަދަ ތާކުން މީހަކު މަރާލާއި މާސިންގާ ކަންތައްގަނޑެއް މުޖްތަމަޢުގައި ރާވައިގެން ހިންގާލުމުގެ ފަހަތުގައި ފޮރުވިފައިވާ އަމާޒަކަށް، އަދި ސިޔާސީ ފައިދާއަކަށް ވެފައި އޮންނާނީ، ވެރިމީހާ އިތުރަށް ހިންދެމިލާއި ސަރުކާރު ކުރިޔަށްވުރެ ވަރުގަދަކޮށް ލުމުގެ ދަހިވެތިބާރެވެ. މައްކާރު ރޭވުމެވެ. އިދިކޮޅު އިސްލާހީ ހަރަކާތްތައް ހިނދުކޮޅަކަށް ފަނޑުކޮށްލާއި ވަގުތީގޮތުން މޯޅިކޮށްލުމެވެ. ފަހަތަށް ޖައްސާލުމެވެ. ނޫނީ އެކުގައި މަރާލުމެވެ.
ސަހުޔޫނި ޔަހޫދީންގެ ކޮންސްޕިރެސީ ތިޔަރީގެ ދަށުން ހަރަކާތްތެރިވާ، ބިލްޑަރބާރގު ގުރޫޕު Bilderberg Group ން، އިސްލާމީ ގައުމުތައް ޔަހޫދީންގެ މުށުތެރެއަށް ލުމުގެ ބޭނުމުގައި މިފަދަކަންތައް ރާވައިދީފައި އެބަހުއްޓެވެ. އެއީ އެމީހުންގެ އޭޖެންނުން ވެރުކަން ގަދަކޮށް ދެންމުމަށެވެ. މިޖަމާއަތަކީ ދުނިޔެއަށް ވެރިވާން ބޭނުންވާ ސިއްރު ދައުލަތެވެ. ޑީޕް-ސްޓޭޓެވެ.
އިސްލާމީ ގައުމުތަކުގައި އުފެދިފައި ހުންނަ، އިސްލާހީ ހަރަކާތްތައް ނެތިކޮށްލާއި ސިޔާސީ ލީޑަރުންތައް ދިގުމުއްދަތަށް ބަންދުކޮށް ނެތިކޮށްލުމަށް މިފަދަ ސިޔާސީ ރޭވުންތައް ރާވައިގެން ގައުމުތަކުގެ ވެރީންލައްވައި ހިންގާފައި އެބަހުއްޓެވެ. މިރޮނގުން ވިސްނައިފިނަމަ، އަޅުގަނޑަށް މިއަމަލާ ގުޅީގެން ފާހަގަކޮށްލެވޭ ހަތަރު ނުކުތާއެއް މިތާނގައި ފާހަގަކޮށް ލާނަމެވެ.

އެކެއް: ޖަލުގައި އިސްކޮށް މަސްއޫލުވެރިއެއް ގޮތުގައި ހުންނެވި އިސްބޭފުޅަކު އެދުވަހު އެވަގުތުގައި މައިދާނުން ދުވެފިއްލެވުން ހިމެނެއެވެ. ހިންމަފުށީ ތެރެއަށް ރައްޔިތުންތެރެއަށް ދެމިގަނެ ގެއްލުނީއެވެ. މީނާއަކީ، އަމިއްލަ ސަލާމަތަށް، ޖަލުމީހުންނާ ބެހޭގޮތުން މިނިސްޓްރީ އޮފް ޑިފެންސަށް ވަރަށް ތަފްސީލީ ސިޓީއެއް ލިޔެފައިވާ މީހެކެވެ.
ދޭއް: އީވާން ނަސީމުގެ މަންމަ އޭނާގެ މަރާލެވިފައިވާ ދަރިފުޅުގެ ހަށިގަނޑު ހޮސްޕިޓަލުގައި ވަޅުލުމަށް ތައްޔާރުކޮށްފައި އޮއްވައި ވަރަށް އުނދަގުލުން ގިނަ ހުރަސްތަކައި އެކު ހަށިގަނޑު ފޮރުވުމަށް ކަފުންއަޅާފައި އޮތް ބެޑްޝީޓު ކަޝްފުކޮށް ބެއްލެވިއެވެ. މިކަން ކުރެވުނީ އެތާތިބި ރައްޔިތުންގެ އެހީގައެވެ. ހަގީގަތުގައި އެހަށިގަނޑު މަންމައަށާ، އަދި އެހެން މީހުންނަށް ދެއްކުމަށް ވަރަށް ހުރަސް އެޅިއެވެ.
އެހެނަސް އީވާނުގެ މަންމަ އާއެކު ތިބި ރައްޔިތުން އީވާނުގެ ހަށިގަނޑު ބަލާހެދުމުން ވަގުތުން އެއަށް ފަހު، ވަރަށް އަވަހަށް ގަލޮޅު ސަޙަރާއަށް ގެންދެވުނެވެ. ދެން ރައްޔިތުން އީވާނު ދުށުމަށް މިސްރާބު ޖެހީ އެސަހަރާއަށެވެ.
ހަމަ އެވަގުތު، ދިވެހިރާއްޖޭގައި އެންމެ މަޝްހޫރު ފިލްމީތަރިއެއްގެ ގޮތުގައި އޭރު އުޅުއްވާ، މ.ބިގްފިޝް އަލްފާޟިލް ޔޫސުފްރަފީޢު (ޔޫސޭ) މެންފަދަ ބޭފުޅުން، ސަހަރާއަށް ވީހާގިނަ ރައްޔިތުން އެއްކުރުމަށް ގަދައަޅާ އަމަލީގޮތުން ޙަރަކާތްތެރިވެލައްވާއި އަމަލީ މަސައްކަތް ކުރެއްވުން ހިމެނުނެވެ. މީގެތެރޭގައި އޭނާ، އަޅުގަނޑަށް ގުޅާފައި އަވަހަށް ސަހަރާއަށް ދިއުމަށް އެންގިއެވެ. ޖަލުގައި ހުރި ގައިދީއަކު މަރާލައިފި ކަމުގެ ޚަބަރު ދެއްވިއެވެ.
އަދި އަޅުގަނޑު ސަހަރާއަށް ހާޒިރުވުން ލަސްވުމުން ސައިކަލެއްގައި އަޅުގަނޑުބަލާ މީހަކު ފޮނުވައިގެން ވީހާއަވަހަށް އަޅުގަނޑު ގެންދިއުން ހިމެނިނެވެ. އޭރުވެސް ސަރުކާރުގެ މަދަދާއިއެހީ އޮތް ޕާޓޭންގެ ގްރޫޕުތަކެއް ސަހަރާގަ އާއި މަގުމަތީގައި އިސްކޮށް ހަރަކާތްތެރިވުން ހިމެނެއެވެ.
ސިފައިންގެ ފަރާތުން ސިއްރިއްޔާތުގައި ހަރަކާތްތެރިވާ ރާއިދު މެންކަހަލަ ސިފައިންގެ ތެރޭގައި ތިބި ޖާސޫސުންނާއި ޕާޓޭންނާ އޮންނަގުޅުންތައް ފާހަގަވާވަރަށް މިކަންތައްގަނޑު ތެރޭގައި ހިމެނިފައި އޮތެވެ. އަދި މި ރާއިދު އާއި އިބުރާ އައި އާދަޔާޚިލާފު ގުޅުންތަކެއް އެދުވަސްވަރު އޮތެވެ. މިހުރީ އެކަންކަން ރޭވިފައި ހުރިއޮތްތަކެވެ.
ތިނެއް: މިކަމާގުޅިގެން މާލެތެރޭގައި ހިންގުނު ހުރިހާކަމެއްގައި ހަރަކާތްތެރިވި ޕާޓޭންގެ މީހުންނާއެކު އެންދެރިމާގޭ އައްބާސް އިބްރާހީމްގެ ދަރިކަލެއް ޕާޓޭ ގުރޫޕަކާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވުން ފާޅުކަން ބޮޑުކޮށް ހިމެނިފައި އޮތެވެ. މިހުރީ ރޭވުންތައް ގޮސްފައި ހުރި މިންވަރެވެ.
ހަތަރެއް: މިކަމާގުޅިގެން ސިޔާސީމީހަކަށް އެންމެފުރަތަމަ އަޅުގަނޑު ޖަލަށްލުން ރޭވި ހިމެނިގެން ދިއުމެވެ. ކުރެވުނު ސުވާލުތަކުގައި ސަހަރާއަށް ދިއުމަށް ގުޅީ ކާކުތޯ އާއި ސަހަރާއަށް ގެންދިޔައީ ކާކުތޯ ސުވާލުކުރުން ހިމެނުނެވެ. އަދި ޟިޔާ އައްބާސްމެން މާލެތެރޭގައި ހިންގި ޣައިރުޤާނޫނީ ހުރިހާކަމެއް އަޅުގަނޑުގެ ބޮލުގައި އަޅުވާއި ސިޔާސީ ކަމަކަށް ބަދަލުކޮށްލަން، ސިފައިންގެ ތެރޭގައި ތިބި ސިޔާސީ އޭޖެންޓު ޖާސޫސުން ކުރި ގިނަގުނަ މަސައްކަތްތައް ހިމެނެއެވެ. ސެޓުކޮށް ރާވާފައި އޮތީ މާލެތެރޭގައި ޕާޓޭގުރޫޕުން ހިންގި ހުރިހާ ކަމަކީ އަޅުގަނޑަށް އެނގިގެން ސީދާ އަޅުގަނޑުގެ އަތެއްއޮވެގެން ހިންގުވާފައި ހުރި ކަންކަމަށް ހެދުމަށެވެ.
އެހެނަސް މި ޙާދިޘާއަކީ މިފަދަ ރޭވުންތައް އަޑީގައި ފޮރުވިފައި ހުރި ބައިނަލް އަގްވާމީ ވަރުގަދަ ބުއްދިއެއްގެ ޝިކާރައެއް ކަމުގައި، އަޅުގަނޑު ހިތުގެއަޑިން ސަތޭކަޕަސަންޓު ގަބޫލުކުރާކަށް ނެތީމެވެ. އެއީ އެހާހެކި ހޯދިފައި ނެތީމައެވެ. ސިފައިންގެ އެންމެ މަތީވެރިޔާ އާއި އާދަމް ޒާހިރާ ގުޅިގެން ރޭވުނު ބޮޑު ސިޔާސީ ކުޅިގަނޑެއްތޯ ކަށަވަރުކޮށް ނިންމުމަށް ޖެހޭނީ އިތުރު ދިރާސާތައް ހަދާށެވެ. ޖަލާއި ހަވާލުވެ ތިބި އިސްވެރިންނާ ދޭތެރޭގައެވެ. އަދި އެދުވަހުގެ ފޯންކޯލްތައް ހިންގާފައިވާ ގޮތްތަކާ ދޭތެރޭގައެވެ. ކޮންމެއަކަސް މިފަދަ ސިޔާސީ ކަންކަމުގައި އެންމެކުރިން ހައްޔަރުކުރާ މީހަކަށް އެދުވަސްވަރު ހަދާފައި ވަނީ ސީދާ އަޅުގަނޑެވެ. އެކަމަށް ތައްޖަހާފައި ވަނީ އަޅުގަނޑެވެ.
ސިޔާސީކަޅުކަންބަޅި:
އަޅުގަނޑަކީ ރައީސް މައުމޫނު ވެރިކަމުގައި ސިޔާސީގޮތުން ކަތިލާން ގެންގުޅުނު "ކަޅުކަންބަޅި" އެވެ. އެހެންވުމާއެކު، ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހުމުން މާލެތެރޭގައި ބަޔަކުމީހުން ނުކުމެ ހިންގި ޒަމާނީ ނުރައްކާތެރި ބިރުވެރި ކަންތަކުގެ ތުހުމަތުގައި އަޅުގަނޑު ގެންގޮސް ޖަލަށްލާއި ދުވަހަކުވެސް ނުހިންގާހާ ވަރުގެ ބޮޑު ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިތިއްބަވައިގެން، ސަރުކާރުން ހިންގާފައި ވާތީ މިވާހަކަތައް ތަފްސީލުކޮށް ލިޔަން، އަޅުގަނޑު ގަސްދުކުރީއެވެ.

އަޅުގަނޑު މިވާހަކަތައް ލިޔަން މިފެށީ، ތަންކޮޅެއް ކުރިޔާލައި އެ އަހަރު ތެރޭގައި އަޅުގަނޑަށް ފެނިފައި ހުރި ހުވަފެންތަކަކާ ހަމައިންނެވެ. އަޅުގަނޑަކީ އޭރޫ ސައުވީސްގަނޑި އިރު ގައުމީކަންކަމާ ވިސްނާއި ހަދާ މީހެކެވެ. އެފަދަ ވާހަކަތައް ލިޔެ ހަދާ މީހެކެވެ. އަދި ރައީސްމައުމޫނަށް ވެސް ސީދާކޮށް ލިޔެހަދާ މީހެކެވެ.
މިޙާދިޘާ، އީވާނަށް އަނިޔާކޮށް މަރާލުން ހިންގުނު، 19 ސެޕްޓެމްބަރ 2003 މ. ވީހުކުރު ދުވަހާހަމައަށް މިތާނގައި ނޯޓުކޮށްލަން ޖެހޭވަރުގެ ފަސްހުވަފެނެއް އަޅުގަނޑަށް ފެނިފައި ވެއެވެ. އަޅުގަނޑު ފަށާނީ، އަޅުގަނޑުގެ ރަށްޓެއްސެއްގެ ހުވަފެނަކުންނެވެ.
ފުރަތަމަ ހުވަފެން:
މިއީ، 24 ފެބްރުއަރީ 2003މ. 23 ޛުލްޙިއްޖާ 1423ހ، ވީހޯމަ ދުވަހު އަޅުގަނޑުގެ ރަށްޓެއްސެއް ކަމުގައިވާ، އަލްފާޟިލް އަބްދުލްޙަމީދު (މުނިސިޕަލްޓީ ޙަމީދު) އަށް ފެނުނު ހުވަފެނެކެވެ. އޭނާއަށް މިހުވަފެން ފެނުމުން، 24 ފެބްރުއަރީ 2003 ވީހޯމަ ދުވަހު ހެދުނު، 9:45 ގައި އަޅުގަނޑަށް ގުޅާފައި ވިދާޅުވަނީ، ރޭގައި އޭނާއަށް، (މުނިސިޕަލްޓީ ޙަމީދަށް) ހުވަފެނުން ފެންނަނީ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު މިސްޓަރ ޓޯނީބްލެޔަރ އާއެކުގައި އިލްޔާސް ލޮނުޒިޔާރަތް ކޮޅުގައި ތިންފައިކަށިލީ، (ތިންބާރުވަކިކުރާގާ) ޓެޓްރާރޕޮޑް ބަހައްޓާފައި ހުރި ސަރަހައްދުގައި މަސްކާށިކާން އުޅޭތަނެވެ.
ޙަމީދު ވިދާޅުވަނީ މިއީ ރޭގައި އޭނާއަށް ފެނުނު ހުވަފެނެކެވެ. ޖޯކެއް ނޫނެވެ. ހަމަތެދު ހަގީގަތެކެވެ. އިލްޔާސް ގަބޫލްކުރެއް ވިޔަސް، އަދި ނުކުރެއް ވިޔަސް ކުރާނެކަމެއް ނެތެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ.
އަޅުގަނޑު މިހުވަފެން ތަޢުބީރުކޮށް މިއީ ރަނގަޅު ހުވަފެނެއްކަމަށް ގަބޫލުކޮށް، ﷲއަށް ޝުކުރު ދަންނަވާއި ޙަމްދުކުރީމެވެ. އަޅުގަނޑަކީ ލޮނުޒިޔާރަތް ކޮޅުގައި މީގެއެތެއް ދުވަހެއް ފަހުން، އަލްއަޚު އަބުޖީ ފައިސާ ދެއްވިމާ، ތިންބާރުވަކިކުރިގާ އިންނަ ސަރަހައްދުގައި ފުރަތަމަ ފަހަރަށް މަސްކާށިކެއުން އިސްލާހީ އެކްޓިވިސްޓުން ލައްވާ، އިންތިޒާމްކޮށް ހިންގި މީހާއެވެ.
އަދި އޭގެފަހުން އެކަން އާލާވެ ބޮނޑިބަތަށް ބަދަލުވެ، ބޮޑެތި ސިޔާސީ ހަރަކާތްތައް އެސަރަހައްދުގައި ހިންގިފައި ވެއެވެ. ވީމާ ޙަމީދަށް ފެނިލެއްވި ހުވަފެނުގައި ހަގީގަތެއް އެކުލެވިފައި ވިއެވެ.
މިހުވަފެނާމެދު އަޅުގަނޑުގެ ތަޢުބީރަކީ، ޙަމީދަކީ މާލޭ މުނިސްޕަލްޓީގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ބޭފުޅަކަށް ވެފައި، އަދި ތިންފައިކަށިލީ ޓެޓްރާރ ޕޮޑްތަކާ ގުޅުންހުރި ބޭފުޅަކަށް ވެފައި، ޑޮކްޓަރ ވަހީދާއި ގޯގޯލަތީފާއި ގާސިމް އިބްރާހީމް މެން އޭރުގެ މަޖިލީހުގައި ފެއްޓެވި އިސްލާހީ ހަރަކާތުން ފެށިގެން ރާއްޖޭގެ އިސްލާހީ ހަރަކާތަށް ސަރުކާރު ތެރޭގައި ހުރެގެން ތާއީދު ދީ، އަބަދުވެސް އެހަރަކާތުގެ ވާހަކަތައް އަޅުގަނޑުގާތުން އަހާއި އޮޅުންފިލުވައި ހައްދާ ބޭފުޅަކަށް ވާތީ، މިކަހަލަ ހުވަފެނެއް ފެނުނީކަމަށެވެ.
ދެވަނަ ހުވަފެން:
މިއީ، 11 މާޗް 2003މ. 08 މުޙައްރަމް 1424ހ، ވީއަންގާރަ ދުވަހެވެ. މިހުވަފެން ފެނުނީ، އެރޭފަތިހު، 5:25 ގައި ފަތިސްނަމާދަށް ބަންގިގޮވުމަށް ފަހުގައެވެ. އިރުއެރުމުގެ ކުރީގައެވެ. ފެންނަނީ އިންޑިޔާގެ ބޮޑުހޮސްޕިޓަލެއްގެ އެތެރެއެވެ. ޑޮކްޓަރަކަށް ހުންނެވީ، ޓްރިވަންޑްރަމް ޕީއާރުއެސް ހޮސްޕިޓަލުގެ ސީނިއަރ ސާރޖަނެއް ކަމުގައިވާ، ޑޮކްޓަރ ޝަރްމާއެވެ.
ހޮސްޕިޓަލުގެ ޢިމާރާތް ތެރޭގައި ހުރި އެންމެވަރުގަދަ މައިތަނބުހުރީ މަތިންއެކުގައި ކަނޑައިގެންގޮސް ތިރިންވެސް ބިނދިފައެވެ. ވަރަށް ބަލިކަށިވެފައެވެ. އެތަނބު ހިފޭއްޓުމަށް ޖަހާފައި ހުރީ ވަރަށްވަރުގަދަ އެންމެ ދެމޮހޮރެވެ. ހުރިހާކަމެއް ފުރިހަމަވަމުން ދިޔައީ އެދެމޮހޮރުގެ ސަބަބުންނެވެ. އަދި އެދެމޮހޮރުގެ ބާރުން، އެ ތަނބު ހުރީ ވަރުގަދަކޮށް ހިފޭއްޓިފައެވެ. ހޮސްޕިޓަލްގެ ޢިމާރާތްވެސް ހުރީ ސާބިތުކަން މަތީގައި ގަދަކޮށް ހިފޭއްޓިފައެވެ. ބަރާބަރަށް މަސައްކަތް ކުރަމުން ގެންދެއެވެ.
ދެންފެންނަނީ އޮޕްރޭޝަން ޓިއޭޓަރގައި އޮޕްރޭޝަނަކަށް ތައްޔާރުވެފައި ވަނިކޮށެވެ. ޑޮކްޓަރ ޝަރުމާ ތައްޔާރަށް ހުންނެވި ތަނެވެ. އޮޕްރޭޝަން ކުރަން، ތައްޔާރުކޮށް ބާއްވާފައި އޮތީ އަޅުގަނޑުގެ، 7 މަހުގެ ހަގުމަންޖެ، ރަމްޙާ އިލްޔާސް ހުސައިން އިބްރާހީމް (ރޭމް) އެވެ. މިފަށަނީ ވަރަށް ބޮޑުއޮޕަރޭޝަނެއް ކަމަށް ޑޮކްޓަރ ޝަރުމާ ވިދާޅުވުމުން އަޅުގަނޑު ދެރަވެގެން އުޅޭ މަންޒަރުފެނެއެވެ. ހޮސްޕިޓަލުގެ ޢިމާރާތުގެ މައިތަނބު ރެނދުއަޅާއި ބިނދިފައި ވާތީ އެކަމާ އަޅުގަނޑު ދެރަވެގެން އުޅޭމަންޒަރު ފެނެއެވެ.

މިމަންޒަރު ފެންނަމުންދަނިކޮށް ހޭލެވުނުއިރު، އަޅުގަނޑުގެ އަންހެނުން ރުކްޝާނާ ރުކު، އަޅުގަނޑު ކައިރީގައި ހުރި ސޯފާސެޓްގެ ވަކިގޮނޑިއެއްގައި އިށީދެގެން އިނެވެ. އަދި އަޅުގަނޑުގެ، 2 އަހަރުގެ ދޮށީމަންޖެ، ތަންހާ އިލްޔާސް ހުސައިން އިބްރާހީމް (ޓޭން) އެމަންޖެގެ މަންމަ ކައިރީގައި އެމަންޖެ ޕުއްޕުލާން ގެންގުޅޭ ޕުއްޕުގޮނޑީގައި އިށީދެގެން ޕުއްޕުލާން އިނެވެ. އަޅުގަނޑު ނިދާފައި އޮތީ ސިޓިންރޫމް ކާޕެޓްމަތީގައި ބާލީހަކާއި ރަޖާގަނޑެއް ބޭނުންކޮށް ގެންނެވެ. ހޭލެވުމުން އަވަހަށްގަޑި ބަލައިލިއިރު ފަތިހު، 5:25 ހިނގަނީއެވެ. އޭރުވަނީ ބަންގިގޮވާ ނިމިފައެވެ.

ދެން ތެދުވެ ފަތިސްނަމާދު ކުރުމަށްފަހު، ފެންވަރާއި، ހެނދުނު ސައިބޮއިގެން އޮފީހަށް ދިއުމަށް ނުކުންނަންދެން، ޓޭން އުޅުނީ އަޅުގަނޑާ އެކުގައެވެ. އެއްގޮތަކަށް ވެސް އަޅުގަނޑާ ދުރަށް ނުދެއެވެ. ރޭމް އޮތީ ނިދާފައެވެ. މިހުވަފެނާމެދު އަޅުގަނޑު ވިސްނާލުމަށް ފަހު، ހުވަފެނުގެ މިލިޔުންކޮޅު ނޯޓުކޮށްފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑުގެ ރަސްމީކޮޓަރީގައި އިނދެގެންނެވެ.
އަޅުގަނޑުގެ ތަޢުބީރަކީ، މިހުވަފެނަކީ މާބޮޑު ސިޔާސީ ހުވަފެނަކަށް ނުވިޔަސް ޢާއިލީގުޅުމާއި އަމިއްލަޒާތަށް ނިސްބަތްވާ ހަރުދަނާ ހުވަފެނެކެވެ. ރޭމްއަށް ރުކު، ބަނޑުބޮޑުވެ ވިހަންވީ ދުވަސްވަރު ރުކު، އުޅުނީ ވަރަށް ބޮޑަށް ބަލިވެއެވެ. ބަނޑަށް، 8 މަހުގައި އިންޑިޔާއަށް އަޅުގަނޑުމެން ދެމީހުން އެކަނި، ޓްރިވަންޑަރަމްގެ ޕީއާރުއެސް ހޮސްޕިޓަލުގައި އެޑްމިޓްވެތިބެ، ރޭމް ވިހެއުމުގެ ކުރިން ޑޮކްޓަރ ޝަރުމާ އިސްކޮށް ހުންނަވައިގެން ރުކުގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

މިދުވަސްވަރު އަޅުގަނޑުމެން ދެމަފިރިންނަށް ގިނަ ފަރާތްތަކުން އެހީތެރިވެ ދެއްވިއެވެ. އެފަރާތްތަކަށް ހިތުގެ އަޑިން ޝުކުރުވެރިވަމެވެ. ރައީސް މައުމޫނުގެ ޚާއްސަ އެހީފުޅެއް ވެސް ސިއްރުކޮށް ލިބުނެވެ. އަދި ކޮލިގެއިން ވެސް ޚާއްސަ އެހީއެއް ސިއްރުކޮށް މީހަކު ގެނެސްދިނެވެ.
މިއޮޕަރޭޝަނަށް ފަހު، ރޭމް ނެގީ އެހެން ދެވަނަ އޮޕަރޭޝަނެއްކޮށް ގެނެވެ. މިދެކަންތައް އެއްފަހަރާ ދިމާވުމުން އަޅުގަނޑު އުޅެއްޖެހުނީ ވަރަށްއެކަނި ވެރިކޮށް، އަދި އެހާމެ ބުރަކޮށެވެ. އިންޑިއާގައި އެކަންޏެވެ. ވަރަށް ހިންމަތާއި މިންނަތުގައެވެ. ބުރަކޮށެވެ. އަދި އުފަލުގައި ވެސްމެއެވެ. ތުއްތު ދެވަނަ ދަރިފުޅު ފެނުމުންނެވެ.
ހުރިހާކަމެއް ހިންގީ އަމިއްލައަށެވެ. އިންޑިއާގައި ތިބި ބައެއް ދިވެހިން ހޮސްޕިޓަލަށް ޒިޔާރަކް ކުރެއްވިއެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރުވެރިވަމެވެ. އެކަނި އުޅެންޖެހުނަސް ހުރިހާކަމެއް ވެސް ހަމަޖެހިގެން ދިޔައީ، ﷲގެ ރަޙްމަތުން ވަރަށްފުރިހަމަ ކޮށެވެ. އުފާވެރިކޮށެވެ. 2 އަހަރުގެ ޓޭން ހުރީ، މާލޭގައި އަޅުގަނޑުގެ މަންމަކައިރީގައެވެ.
ފަހެ، މިހުވަފެނުން އަޅުގަނޑަށް ހަދާންވެގެން މިދަނީ، ވަރަށްހިންމަތާއި މިންނަތާއެކު ބުރަކޮށް އުޅެންޖެހުނު، އެދުވަސްވަރެވެ. އަދި މުޅިހޮސްޕިޓަލް ހިފޭއްޓިފައިހުރީ، އެންމެދެމޮހޮރުގެ ބާރަކުންކަމަށް ހުވަފެނުގައި އެފެނުނީ، އަޅުގަނޑުގެ ދެބޭންކަމުގައިވާ ޓޭންއާއިރޭމްގެ ސަބަބުން، އަނދިރި ކަމެއްގެ ތެރޭގައިވާ، އަޅުގަނޑުގެ ސިޔާސީޙަޔާތަށް ކުރިމަގުގައި ދާއިމަށް ލިބިގެންދާނީ، ބަދަހި ހިއްވަރެއް ކަމަށާއި އިތުރުކުރިއެރުމެއް ކަމަށެވެ. ތުއްތު ދެކުދިންގެ މައުސޫމްރޫޙުން އިތުރުތާޒާކަން ލިބޭނެކަމެވެ. އެހެނަސް މިއަޅާލުންތަކާ އެކުވެސް ލޮބުވެތި މިފަދަ ތުއްތުކުދިން ކޮޅަކާވަކިން ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ބަންދުވާން ޖެހިދާނެކަމެވެ. އެހެންވެ އަހުރެން އަބަދުވެސް ހުރީ ތައްޔާރަށެވެ.
އެދުވަސްވަރަކީ، ސިޔާސީގޮތުން ވަރަށްގަދަޔަށް އަޅުގަނޑަށް ފާރަލާއި ޚާއްސަ ފައިލެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބާއްވައިގެން ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރަކަށް ވުމުން، މި ހުވަފެނުން އަޅުގަނޑުގެ އަޒުމްއާވެ ކުރިޔަށް ދިއުމަށް އިތުރުހިތްވަރު ލިބިގަތީމެވެ. އިތުރަށް އަޒުމް ވަރުގަ ދަކުރީމެވެ.
މިދުވަސްވަރު އަޅުގަނޑުގެ މިނިސްޓްރީގައި ހުންނަ އަޅުގަނޑުގެ މޭޒުމަތީގައި ހުރި ރަސްމީފޯނާ ގުޅާފައި ހުރި ފޯނުނަރުން އެއްނަރު ބުރިކޮށްލާފައި އެނަރުގެދެކޮޅުގައި ވަރަށްކުޑަކުޑަ ދޮޅުއިންޗި އަށްވުރެކުޑަ ޓްރާންސްމީޓަރެއް ހަރުކޮށް ކޭސިންގަނޑު ތެރެއަށްލާއި ފޮރުވައިގެން، އަޅުގަނޑު ދައްކަމުން ގެންދާ ސިޔާސީ ވާހަކަތައް ދުވަހުންދުވަހަށް ގަޑިންގަޑިއަށް އަޑުއަހާއި ރެކޯޑްކުރަމުން ދަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެންތަކަކާ ގުޅިގެން އެކަންތައް ފަޅާއަރާފައި ވެއެވެ. މިލިންކުން އެވާހަކަތައް ކިޔާލަން ލިބޭނެއެވެ!
އަދި މަޝްހޫރު ބޯކުޑޭ އާއި ފިލްމުކުޅޭ މަޝްހޫރު ޔޫސޭއާއި ތިމާވެއްޓަށް މަޝްހޫރު މީމުޒަވިޔަނި ފަދަބޭފުޅުން، ސިފައިންގެއަށް އެކިފަހަރުމަތިން ހާޒިރުކޮށް، އަޅުގަނޑާ ގުޅޭގޮތުން ތަފާތު ސުވާލުކޮށް ހަދާފައިވާކަން އެބޭފުޅުންގެ ފަރާތުން އަޅުގަނޑަށް އެނގިފައި ވެއެވެ. މީގެ އަޖައިބަކީ މިއެންމެން އައިސް އަޅުގަނޑައި ބައްދަލުކޮށް މިވާހަކަތައް ކިޔައިދޭތީއެވެ.
މި އެންމެންނަކީ ވެސް އަޅުގަނޑުދެކެ ލޯބިވާ މީހުންނެވެ. މިއީވެސް ފޯނު އަޑުއަހަމުން ގެންދިޔަ ޑިވައިސްގެ އެހެން ފޮޓޯއެކެވެ. އަޅގަނޑު އަތުގައި އެޑިވައިސްގެ ތިންފޮޓޯއެއް އެބައޮތެވެ. ޑިފެންސުން އެޑިވައިސް އަތުލުމުގެ ކުރިންނަގާފައިވާ ތިންފޮޓޯއެވެ.

ފަހެ، މިދުވަސްވަރަކީ، ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އިސްލާހަށް ހަރަކާތްތެރިވި އަޅުގަނޑުމެން ފަދަ މީހުންނަށް ފުދޭވަރަކަށް ސިޔާސީގޯނާތައް ކުރަމުންދިޔަ ދުވަސްވަރެކެވެ. އަދި އެހާމެބޮޑަށް ފާރަލަމުން ގެންދިޔަ ދުވަސްވަރެކެވެ. އޭރު އަޅުގަނޑު މެންނަކީ، އަބަދުވެސް ސިފައިންގެ ޖާސޫސުންގެ ފާރަލުމުގެ ދަށުގައިތާށި ކޮށްފައި ތިބިބައެކެވެ. މިފަދަ ދުވަސްވަރެއްގައި މިހުވަފެނުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނެވެ. ކުރިމަގު މުސްތަގުބަލަށް ރާވާލަން އެނގުނެވެ.
އާދެ! 12 މާޗް 2003 މާދަމާއަކީ، އަޙްމަދިއްޔާ ނާސަރީ ސްކޫލަށް ތަންހާ އިލްޔާސް ހުސައިން އިބްރާހީމް، ފުރަތަމަ ފަހަރަށް ގެންދަން ޖެހޭދުވަހެވެ. އަޅުގަނޑާ ވަކިވުމަށް ބޮޑާނުހާކާއި ނުރޮއި ސްކޫލްގައި މަޑުމަޑުން އުފާވެރިކަމާއެކު ހުންނާނެކަމަށް އުންމީދުކުރަމެވެ.
ތިންވަނަ ހުވަފެން:
29 މެއި 2003މ. 27 ރަބީޢުލްއައްވަލް 1424ހ، ވީބުރާސްފަތި ދުވަހެވެ. މިއީ، އެރޭފަތިހު ބަންގިގޮވުމައި ވަރަށްކާރިވެފައި ވަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު ރަސްމީކޮށް ކޮންމެވެސް ތާކަށް ވަޑައިގަންނަވަން ވެގެން ރަސްމީކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާތަނެވެ. ރައީސް މައުމޫނު އަރިހުގައި އެންމެ އިސްކޮށް ހުރީ އަޅުގަނޑެވެ.
އެތަނަށް އެއްވެފައި ތިބި މީހުންގަނޑު ތެރޭގައި އަޅުގަނޑުގެ ދެއަތުން، ރައިސް މައުމޫނު ޙިމާޔަތްކޮށްގެން ކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާ މަންޒަރެވެ. ފަސްޓްލޭޑީ މެޑަމް ނަސްރީނާ ތަންކޮޅެއް ފަހަތުގައި ހުންނަވައިގެން ހިނިފުޅު ވޮޑުވާމަންޒަރު ފެނުނެވެ. އަޅުގަނޑުގެ ބެލުމުގެދަށުން، އަޅުގަނޑުގެ ޙިމާޔަތުގައި ރައީސް މައުމޫނު ކާރުކޮޅަށް އަރާވަޑައި ގެންނެވުމަށް ފަހު، ވަޑައިގަންނަވަންވީ ދިމާއަށް ވަޑައިގަތީއެވެ.
ހޭލެވުނީ ރައީސް މައުމޫނުގެ ކާރުކޮޅު ދުއްވާލުމުންނެވެ. މިވާހަކަކޮޅު ނޯޓުކުރިއިރު މިހުވަފެން ވަރަށް ރަނގަޅަށް ހަނދާން ހުއްޓެވެ. އާދެ، މިއަދުގެ މެންދުރުގެ ވަގުތެއްގައި އިމެރެޓްސް ފްލައިޓަކުން ނުރަސްމީ ދަތުރުފުޅެއްގައި، ކޮޅުބުމަގުން ލަންޑަނަށް ރައީސް މައުމޫން ފުރާވަޑައި ގެންނެވި ޚަބަރު ރާއްޖޭގެ މީޑިޔާގެ ޚަބަރުތަކުން އިވުނެވެ.
މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ، ރައީސް މައުމޫނު އަޅުގަނޑަށް އިތުބާރުކުރައްވާއި ކައިރިކުރެއްވުމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއްފަހަރު އެކަމަށް ގަސްދުކުރައްވަނީ ކަމަށެވެ. އެހެނަސް ޢާއިލީބައެއް ނުފޫޒުތަކާހެދި އެކަން ކުރެއްވޭ ގޮތް ނުވަނީ ކަމަށެވެ. އަދި ކުރިމަތީގައި އަޅުގަނޑަށް އޮތީ ސިޔާސީގޮތުން ޕްރެޝަރބޮޑު ދުވަސްތަކެއް ކަމެވެ.
ހަތަރުވަނަ ހުވަފެން:
02 ޖޫން 2003މ. 02 ރަބީޢުލްއާޚިރި 1424ހ، ވީހޯމަ ދުވަހެވެ. މިއީ، އެރޭނިދާފައި އޮއްވާފަތިހު ވަގުތެއްގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު އަރިހުގައި ރިޔާސީ ގަނޑުވަރުގައި ރޭގަނޑު ވަގުތެއްގައި ސިޓިންރޫމްގައި ވާހަކަދަށްކަން ދެމީހުން ތިބި މަންޒަރެވެ.
މިތާނގައި ވާހަކަދަށްކަން ތިބެފައި ރައީސް މައުމޫނު އަވަހާރަފުޅަށް ވަޑައިގަތީ، އިލްޔާސް ނިދިކުރައްވަން ވީމާ، ކުރިމަތީގައިހުރި ކޮޓަރިއާދިމާއަށް އިޝާރާތް ކުރައްވައި އެހަރަކޮޓަރިއަށް ވަންނަވައި އޮށޯންނެވުމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެލެއްވުމަށް ފަހު، ރައީސް މައުމޫނު ވަދެވަޑައިގަތީ އެހެން ކޮޓަރިކޮޅަކަށެވެ. އަޅުގަނޑު ވެސް ރައީސް މައުމޫނު ވިދާޅުވި ކޮޓަރިއަށްވަދެ ނިދަން އޮށޯވެވުނުކަން ހަދާންހުއްޓެވެ. ދެން އެހާ ހިސާބުން ހޭލެވުނީއެވެ.
ސިޔާސީގޮތުން ހަލަބޮލި މިފަދަ ދުވަސްވަރެއްގައި މިހުވަފެނުގެ ތަޢުބީރެއްކަމުގައި އަޅުގަނޑު ގަބޫލު ކުރީ، ރައީސް މައުމޫނު ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އެއްގޮތަށްވުރެ ގިނަގޮތްގޮތަށް ވިސްނަވާ ހައްދަވާކަމެވެ. ކޮންމެވެސްކަހަލަ ހުރަސްތަކެއް ހުރުމުން އަޅުގަނޑާ ދޭތެރޭގައި ހަދާނެ ވަކިގޮތެއް ފައިނަލް ނުކުރެވިގެން އުޅުއްވަނީ ކަމަށެވެ.
އަނެއްހެން ވެސް އަޅުގަނޑަކީ، ރައީސް މައުމޫނު ބޭނުންފުޅުވީމާ، ބޭނުންފުޅުވާތާކަށް އަޅުގަނޑު ގެންދަވައިގެން ސިޔާސީ ޚިޔާލުބަދަލު ކުރައްވައި ހައްދަވާ މީހެކެވެ. މިކަހަލަ ބައްދަލުވުންތައް، ޑިފެންސް މިނިސްޓްރީގެ މަތީގައާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައާއި ރިއާސީ ގަނޑުވަރުގައި ވެސް ހިނގާފައި އެބަހުއްޓެވެ.
ފަސްވަނަ ހުވަފެން:
19 ސެޕްޓެމްބަރ 2003މ. 22 ރަޖަބް 1424ހ، ވީހުކުރު ދުވަހެވެ. މިއީ ރޭގެނިދީގައި އޮވެފައި ފަތިސްނަމާދަށް ބަންގިގޮވިއަޑަށް ހޭލެވުމުން، ފަތިސްނަމާދު ކޮށްގެން އަނެއްކާވެސް ނިދާފައި އޮއްވާ، އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، އަޅުގަނޑު ހުޅުމާލޭގެ ގޮނޑުދޮށުގައި ހުއްޓައި ގޮނޑުދޮށުން ފަސްގަނޑު ކަނޑައިގެން އަޑިއަށްދާތަނެވެ. ފުރަތަމަބައި ކަނޑައިގެން، ގެނބިގެންގޮސް ފުންކަނޑަށްވީއެވެ.
ދެން ފަހަތަށް ޖެހިލުމުން އަނެއްކާވެސް ގޮނޑުދޮށުން އާބައެއް ކަނޑައިގެން ގެނބިގެން ގޮސް ފުންކަނޑަށްވީއެވެ. ދެންވެސް އަޅުގަނޑު ފަހަތަށްޖެހިލުމުން އެބައިވެސް ކަނޑައިގެން ގޮސް އެބަޔާއެކު ފުންކަނޑަށް ވެގެންދިޔައެވެ.
ދެން އެއަށް ފަހު، ބޮޑެތިރާޅުތަކާއި ބާނިތަކުގެ ތެރޭގައި ގަދައޮއިވަރާއެކު، އަޅުގަނޑު މާލެ އާ ދިމާއަށް ބާރުސްޕީޑެއްގައި ކޮށްޕާފައި ބާރުވަޔާއި އޮއިވަރުގެ ކަރަންޓާއެކު ގެންދަންފަށައި ފިއެވެ. ކުއްލިއަކަށް ހޭލެވުނީ، މާލޭގައި އޭރު އެއްވެފައި އޮތް މީސްތަކުންނަށް ވެގެންއުޅޭގޮތް ކިޔައިދީ، ގަދައަޑުން ނަސޭހަތްތެރިވަމުން ދަނިކޮށެވެ.
މިހުވަފެނުގައި އަޅުގަނޑު ސަލާމަތްވެ، ރަނގަޅު މުހިންމުރޯލެއް އަދާކުރެވުނީތީ ކުރިޔަށްއޮތީ ރަނގަޅައި އުފާވެރިކަން ކަމަށްދެކި، ﷲއަށް ހިތުގެއަޑިން ޝުކުރާއި ޙަމްދުކުރީމެވެ. މިހުވަފެން އަޅުގަނޑަށް ފެނިފައި މިވަނީ، އީވާންނަސީމް މަރާލުމުގެ، 24 ގަޑިއިރު ކުރިންނެވެ. ސިފައިން އަނިޔާކޮށް މަރާލާފައި ވަނީ، ހުކުރު ދުވަހުގެ ރޭފަތިސް ވުމުގެ ކުރިންނެވެ. އީވާން ނަސީމްގެ މަންމައަށާއި ޢާއިލާއަށް އަދި ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް އީވާން މަރާލައިފިކަން އެނގުނީ، ހޮނިހިރު ދުވަހު ހެނދުއެވެ.
މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ، ބޮޑުސިޔާސީ ކަންތައްގަނޑެއް ކުރިމަތީގައި ވަރަށްބަނަކޮށް އެބައޮތް ކަމަށެވެ. ކޮންމެވެސް ނުބައިނުލަފާ ސިޔާސީ ރޭވުންތަކެއް ކުރިމަތީގައި އަނދިރިވިލާގަނޑެއްހެން އެބައޮތް ކަމަށެވެ. އެހެނަސް ކަނޑުގެ ބޮޑެތިރާޅު ތަކުންނާއި ގަދައޮއިވަރުގެ އެހީގައި ސަލާމަތް ކަމާއެކު، މާލެއަށް އާދެވި މާލޭ ގައި އެއްވެފައި ތިބި ލޮބުވެތި ރައްޔިތުންނަށް ހަރުއަޑުން ނަސޭހަތްތެރި ވުމުގެފުރުސަތު ހުވަފެނުގައި އަޅުގަނޑަށް ތަނަވަސްވެގެން ދިއުމަކީ، ސިޔާސީ ކުރިމަގު އުޖާލާކޮށް އޮތުން ކަމުގައި ނިންމައި، ﷲއަށް ޙަމްދާއިޝުކުރު ދެންނެވީއެވެ.
ކިޔަވަން އުޅުނު އިރުއްސުރެ އަބަދުވެސް އަޅުގަނޑަކީ، އަޅުގަނޑަށް ފެންނަރަނގަޅު ހުވަފެންތައް ހަނދާނުގައި ހުއްޓައި ވީހާއަވަހަށް ނޯޓުކުރާ މީހެކެވެ. މިއާދައިގެ ދަށުން، މިހުވަފެން ނޯޓްކުރެވިފައި ވަނީ، މިއަދު (ފެނުނުދުވަހު) ހެނދުނު ސައިބޮއި ނިމިގެންނެވެ.
ޙާދިޘާގެ ކުރުޚުލާޞާއެއް:
އާދެ! 19 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހުގެރޭ މާފުށީޖަލުގެ، ސީ 3 ނަންބަރު ގޮޅީގައި ތިބި ބައެއް ގައިދީން ހިންގިކަންތައް ތަކަކާގުޅިގެން އެ ޢަމަލުގައި ބައިވެރިވި، ގައިދީން އެރޭ، 9 ޖަހާކަންހާއިރު ގޮޅިންނެރުމަށް ސިފައިންނާއި ކަރެކްޝަންގެ މުވައްޒަފުން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މިގައިދީންކުރި ކުށަކީ، ސީ 3 ނަންބަރާއި، ސީ 5 ނަންބަރު ގޮޅިން ބަޔަކު، ސީ 3 ހުރަސްކޮށް އެއްގޮޅިން އަނެއްގޮޅިއަށް ހުރަސްކޮށް ދިއުމެވެ.
މިކަމާގުޅިގެން ގޮޅިން ނެރުމަށް ހަމަޖެއްސި ގައިދީންގެ ތެރޭގައި، މ.އޭޝިޔާ ޙަސަން އީވާން ނަސީމް ހިމެނުނެވެ. ސިފައިންގެ ބޭކަލުން، އީވާނަށް ގޮޅިން ނުކުތުމަށް އެންގުމުން އެމީހުންނާ މުޚާޠަބުކޮށް އީވާން ތަކުރާރުކޮށް ބުނިކަމަށް ވަނީ، އޭނާ އަކީ ގޮޅި ހުރަސްކޮށްދިޔަ މީހުންގެތެރެއިން މީހެއްނޫން ކަމަށެވެ. އަދި އޭނާ ކުރި ކުށަކީ ކޮބައިކަން ބުނުމުންނޫނީ ނުނިކުންނާނެ ކަމަށެވެ.
މިދެބަސްވުމުގެ ތެރޭގައި ހިނގިހަމަނުޖެހުމުގައި ސިފައިންގެ ގުރޫޕެއް ގޮޅިތެރެއަށް ވަދެ، އީވާން ނަސީމް ގަދަކަމުން ނެރެގެން ގެންދިޔައެވެ. ގޮޅިންނެރުނު އެހެން ގައިދީންނެކޭ އެއްފަދައިން އީވާން ނަސީމު ވެސް ގެންދިޔައީ “ރޭންޖު” އޭ ކިޔުނު ވޯކްޝޮޕްގެ ގޯތިތެރެއަށެވެ. މިއީ ކޮންކަހަލަ ކީއްކުރާ ރޭންޖެއްކަން ބުނެދޭން އެނގޭނީ ސިފައިންނަށެވެ.
މިތަނަށް ގެންދިއުމަށް ފަހު ސިފައިންގެ އަނިޔާތައް މަތިމަތިން އީވާނަށާއި ނެރުނު އެހެން ގައިދީންނަށް ވަށައިގެން އޮހެންފެށީއެވެ. އީވާންނަސީމްގެ ކުށެއްނެތްކަމާއި ގޮޅިހުރަސް ނުކުރާކަމަށް ބުނެ އީވާން، އޭނާގެ ދިފާޢުގައި ޖަދަަލުކުރަމުން ގެންދިއުމުން އޭނާއަށް ކެތްނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާތަށް އެގޮތްމިގޮތަށް އަރަމުންގޮސް ދުނިޔެ ދޫކޮށް ނިޔާވެގެން ދިޔައިއެވެ.
ﷲ އޭނާގެ އެންމެހައި ފާފަތައް ފުއްސަވައި ސުވަރުގެއަށް ވައްދަވާށިއެވެ! އަދި، މާޒީގަޔާއި ޖަލުތެރޭގައި ކިތަންމެ ނުލަފާކޮށް އުޅުން ބަހައްޓާފައި ހުއްޓަސް އޭނާ އަކީ، ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި މުސްލިމަކަށް ވާތީ ޝަހީދެއް ކަމުގައި ލައްވާށިއެވެ. އާމީން!
އީވާންނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހި މައްސަލަ ބެލުމަށް ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަން:
މިދެ މައްސަލަ ބައްލަވައި މިކަމުގައި މަސްއޫލުވާ ފަރާތްތަކާއި އެފަރާތްތަކުން މަސްއޫލުވާ މިންވަރު ހޯދައި އެމީހަކު، ނުވަތަ އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ފުރިހަމަ ތަހްގީގެއް ހިންގެވުމުގެގޮތުން ރައީސުލް ޖުމްހޫރިއްޔާ، 5 (ފަސް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ފަސްމެންބަރުންގެ މައްޗަށް އެކުލަވައިލެއްވި، މިކޮމިޝަނުގެ ރައީސަކަށް ހަމަޖެއްސެވީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަލްފާޟިލް އަބްދުއްސައްތާރު މޫސާދީދީއެވެ.
ކޮމިޝަންގައި ހިމެނުއްވި އިތުރު ބޭފުޅުންނަކީ، އަލްއުސްތާޒު ޝާހީންޙަމީދު، އަލްފާޟިލާ ޢައިޝަތު މުޙައްމަދު ދީދީ، އަލްފާޟިލް އަބްދު ﷲ ސަޢީދު، އަދި ޑޮކްޓަރ މުޙައްމަދު ޞާލިޙެވެ. ކޮމިޝަންގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، 24 ސެޕްޓެމްބަރ 2003 ގައި ސެކްރެޓޭރިއެޓެއް އެކުލަވައި ލެއްވިއެވެ. މިސެކްރެޓޭރިއެޓްގެ އިސްބޭފުޅަކަށް ހަމަޖެއްސެވީ، އަލްއުސްތާޒު މުޙައްމަދު ނަޝީދެވެ. ކުއްޓިއެވެ.
އީވާން ނަސީމް މަރާލުމުގެ ޙާދިޘާ އާއި ޖަލުގައި ބަޑިޖެހި ޙާދިޘާ އާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އެއްކުރެއްވި މަޢުލޫމާތުތަކުން މިޙާދިޘާ ހިނގާދިޔަގޮތް ސާފުވެއެވެ. އެރިޕޯޓުގެ އިނގިރޭސިކޮޕީއެއް ބައްލަވާލައްވާށެވެ. އޭރު އީވާނާ އެއްގޮޅިއެއްގައި ހައްޔަރުކޮށްފައި ހުރި، ގ.ފިނިކަނޑު އަބްދު ﷲ ޢީޝާން (އީއްޓޭ)، ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ވަނީ، އަންނަނިވި ޢިބާރާތްތަކެވެ.
“19 ސެޕްޓެމްބަރ 2003 ވަނަ ދުވަހު އަޅުގަނޑު ބަންދުކޮށްފައި ހުރީ ޖަލުގެ، ސީ 3 ގޮޅީގައެވެ. އެދުވަހު ހެދުނު، 9 ގަޑީގެ ސައިގެ ފަހުން، ޝާމް (މުހަންމަދު ޝާމް) އާއި ގްރޭންޕާ (މުހަންމަދު މާއިޝް) އައި ދެމީހުން، ސީ 3 ން ގޮޅިހުރަސް ކޮށްފައި ދިޔައެވެ. ދިޔައީ ގޮޅީގެފާރު މަތިންނެވެ. އެމީހުން ދިއުމުގެ ބޭނުމަކީ، ކުޑަގޮޅިއަށް ދިއުންކަން އެމީހުން ދިއުމުގެ ކުރިން ދެއްކި ވާހަކައިން އެނގުނެވެ.
އޭގެ އިރުކޮޅެއް ފަހުން، ޢަބްދު ﷲ ޕާޕާ (ކޯޕްރަލް ޢަބްދުﷲ ޙަސަން) އާއި އެހެން ސިފައިންގެ ބަޔަކު އައިސް ގޮޅިހުރަސްކުރި ދެމީހުން އަނބުރާ، ސީ 3 އަށް ގެނައެވެ. މެންދުރެއްހާއިރު ސީ 3 ން ފަނަރަ ވަރަކަށް މީހުން، ސީ 4 ން، ސީ 5 އަށް ދިޔައެވެ. އެމީހުންގެ ނަމެއް ނޭނގެއެވެ. އެމީހުންދިޔައީ، ސީ 5 ގައި ހުންނަ އައިޑީ (ޢަލި ދީދީ) ގައިގާ ތަޅައިގަންނަންކަން އެމީހުންދެއްކި ވާހަކައިން އެނގުނެވެ.
ޢަލިދީދީ ގައިގާ ތަޅައިގަތީ މާލޭ ގައި މީހުން ބަސްޓްކުރަން އުޅުނު މީހެއްކަމަށް ވާތީކަން އެނގުނެވެ. ގޮޅިހުރަސްކުރި މީހުންގެތެރެއިން ޝާމް އާއި ގުރޭންޕާ އާއި އަކިރު (އަހްމަދު ޝުޖާޢު އަލީ) އައި، އަދި އިތުރު މީހަކު އަނބުރާ، ސީ 3 ށް، ޢަބްދު ﷲ ޕާޕާ އާއި އެހެން ސިފައިންތަކެއް ވެގެން އަނބުރާ ގެނައެވެ. މިމީހުން އަނބުރާ، ސީ 3 ށް ގެނައި އިރު މަންދު (ދާއޫދު މަމްދޫޙް) އޮތީ ދޮރުކައިރީގައި ފިލާގަނޑެއް ބާއްވައިގެން އޮށޯވެއެވެ.
އޭރުދޮރުގެ މަތީކައިރިއަށް އެމީހުންތިބި ދިމާލުން މައްޗަށް ފިލާގަނޑެއް ލައްވާފައިއޮތެވެ. ގޮޅިހުރަސްކުރި މީހުންއަނބުރާ ވައްދަންވެގެން، އަބްދު ﷲ ޕާޕާ، (ކޯޕްރަލް އަބްދުﷲ ޙަސަން) އައިސް މަންދު އާއި އީވާން ކައިރީގައި ތެދުވެ ފިލާގަނޑު ނެގުމަށް އެންގިއެވެ. އޭނާ (އަބްދު ﷲ ޕާޕާ) ބޭނުން ކުރީ ވަރަށް ހުތުރު ޢިބާރާތެކެވެ.
އެތާނގައި ފުރަތަމަ އޮށޯވެތިބީ މަންދު އާއި އީވާނެވެ. އަބްދު ﷲ ޕާޕާ އައި އިރު އީވާންވީ ފާޚާނާގައެވެ. އީވާން ނުކުތްއިރު، އަބްދު ﷲ ޕާޕާ އުޅެނީ، މަންދު ގޮޅިންނެރެން ވެގެންނެވެ. އީވާން ނުކުމެ، މަންދު ކައިރީގައި ވެގެންއުޅޭގޮތް އެހިއެވެ. ވެގެންއުޅޭގޮތް މަންދު ކިޔައިދިނުމުން މަންދު ކައިރީ ރީއްޗަށް ބުނުމުން ނުކުންނާނެ ކަމަށް އީވާން ބުންޏެވެ. މިހެން ބުނުމުން، އަބްދު ﷲ ޕާޕާ ބުނީ، ކޮންމެގޮތެއް ހަދައިގެންވެސް މަންދު ނެރެވޭނެ ކަމަށެވެ. ދެން، އީވާން ބުނީ، “ތިމަންނަ ފުނޑާ ލާފައިނޫނީ މަންދު ނުނެރެވޭނެ” ކަމަށެވެ. އަދި ތިޔައުޅެނީ، މަންދު ރޭންޖަށް ގެންގޮސްގެން އަނިޔާކުރަން ކަމުގައި ވެސް އީވާން ބުންޏެވެ.
މިވާހަކަތަކަށް ފަހު، އަބްދު ﷲ ޕާޕާ ދިޔައީއެވެ. 19 ސެޕްޓެމްބަރ ދުވަހުގެރޭ، ކައިނިމުމަށް ފަހު، ކިރުބޯގަޑީގެ ކުރިން، އަބްދު ﷲ ޕާޕާ އާއި އިތުރު، 10 ސިފައިންގެ މީހުން އައެވެ. މި މީހުންނާ އެކު ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހެއް ވެސް ހުއްޓެވެ. އެމީހުން އައިސް ލިސްޓަކުން ނަންތަކެއް ކިޔެވެ. އެލިސްޓްގެ ފަހު ނަމެއްގެ ގޮތުގައި ގޮވީ، އީވާން ނަސީމްގެ ނަމެވެ. ނަންގޮވުމުން، އީވާން ފިޔަވާއެހެން މީހުން ނުކުތެވެ.
ނުކުންނަކޮންމެ މީހެއްގެ އަތުގައި ބިޑި އަޅުވައެވެ. ބިޑި އަޅުވަނީ އެކަކުގެއަތާއި އަނެކަކުގެއަތާ ގުޅުވައެވެ. އީވާންގެ ނަންގޮވުމުން އީވާން ނުކުންނަން އިންކާރު ކުރިއެވެ. އަދި ނުކުންނާނީ އީވާންގެކުށް ބުނެދިނުމުން ކަމުގައި ބުންޏެވެ. އަދި އެތާނގައި ހުރި، 3 ފަށްއެރި ސިފައިންގެ މީހެއް ކައިރީގައި ވެސް އީވާންގެކުށް ބުނެދިނުމަށް އެދުނެވެ.
އީވާން ނުނިކުތުމުން އިބިލީސް (ޝަމީޒް ޝިހާބް، މީނާއަކީ ގޮޅީގެލީޑަރެވެ. މީނާބުނާގޮތް ގޮޅީގެ މީހުން ހަދާނެއެވެ.) އަށް ނުކުތުމަށް އެންގިއެވެ. އިބިލީސް ނުކުތުމުން ބިޑިއެޅުވި ފައްޗާ އޭނާ ވެސް ގުޅާލިއެވެ. އަދި އެފަތި ފޮނުވާލީއެވެ. އޭ ގެފަހުން، އަބްދު ﷲ ޕާޕާ އާއި ދެތިންސިފައިން ގޮޅީތެރެއަށް ވަނެވެ. އޭރު އީވާން ހުރީގޮޅީގެ ފަހަތުގައި އޮތް، 4 ވަރަކަށްފޫޓުގެ ލަކުޑި ފަތިބުރިއެއް ހިފައިގެން ގޮޅީގެ މެދެއްހާ ހިސާބުގައެވެ. ފޯސްވަދެ އީވާން ވަށާލިއެވެ. އަދި އެތަނުން އެކަކު، އީވާންގެ ފަހަތުން ގޮސް ބައްދަން (ލޮކްއަޅުވަން) މަސައްކަތް ކުރިއެވެ.
އީވާން އެނބުރިފައި މި މީހާގެ ގައިގާ ފަތިބުރިން ޖެހިއެވެ. އެ އެތިފަހަރު އެރީ އޭނާގެ އަތަށެވެ. އޭގެ ފަހުން ޖެހި އެތިފަހަރު އެރީ، އޭނާގެ ބޮލަށާއި ކޮނޑު މައްޗަށެވެ. ދެން ޖެހި އެތިފަހަރު އެރީ އޭނާގެ އިނގިލިތަކަށެވެ. މި، 3 އެތި ފަހަރަށް ފަހު، މި ސިފައިންގެ މިހާ ދުވެފައި ބޭރަށް ނުކުތީއެވެ. އޭނާގެ ފަހަތުން ދެންތިބި ސިފައިން ވެސް ނުކުތީއެވެ. އީވާން، ދެންދިޔައީ، އަބްދު ﷲ ޕާޕާ އާ ދިމާއަށެވެ. ….ފަތީގައިތިއްބާ އެއްފަހަރުބޯފެން ދިނެވެ.
ފެންދިނީ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް މީހެކެވެ. އިރުކޮޅެއް ފަހުން، ކަރެކްޝަންސް ދެމީހަކު ފެންބާލިދީއެއް ހިފައިގެން އައެވެ. އެރޭ ކަރެކްޝަންސް މީހުން ރޭންޖަށް ވަދެ ނުކުމެ ހެދިތަން ފެނުނެވެ. އަޅުގަނޑުމެން ވޯކްޝޮޕަށް ކުރިމަތިލައިގެން ތިއްބާ އީވާންހުރި ހިސާބުން، 10 ވަރަކަށް މިހުން ނުކުމެގެން އަޅުގަނޑުމެންގެ ކުރިމައްޗަށް އައެވެ.
އަދި އެމީހުންބޭރުގޭޓުން ނުކުމެގެން ދިޔައީއެވެ. އޭގެފަހުން އަނެއްކާ ބަޔަކު، 7 މީހުންވަރު ވަދެގެން އީވާނާ ދިމާލަށް ދިޔައެވެ. އެމީހުން އައިތާ ދެތިންމިނެޓް ފަހުން އީވާންގެ ހަޅޭކުގެއަޑު ކެނޑިއްޖެއެވެ. އަދި ކޮންމެވެސް މީހަކު، ފެންހޮޅިވައްދާށޭ ގޮވާއަޑު އިވުނެވެ. އެއީ އީވާން ހޭނެތުނުފުރަތަމަ ފަހަރުކަމަށް ގަބޫލު ކުރެވެއެވެ. ފެންހޮޅިވެއްދިތަން ދުށީމެވެ. އަދި ފެންޖެހުމަށް ފަހު، އީވާންގެ އަޑުއިވެން ފެށުމުން، އަނެއްކާވެސް ތަޅަން ފެށިއެވެ.
މިގޮތަށް، 4 ވަރަކަށް ފަހަރު އަޑުކެނޑި، ފެންޖަހައި އަލުންއަޑު އައިސް، މިކަހަލަ ގޮތްތަކެއް ވީއަޑު އެހީމެވެ. އީވާންގައިގާ ތަޅަމުންދިޔައި ފަހުންއައި، 7 މީހުންކަން ޔަގީނެއްނޫނެވެ. އިވާންގައިގާ އޭނާގެއަޑު މުޅިންކެނޑުމުން ވެސް ތަޅަމުން ދިޔައެވެ. އެންމެ ފަހުން އަޑު ކެނޑުމުން ޕްލާސްޓިކް އެއްޗަކުން ޖެހިއަޑު އެހީމެވެ. އަދި ކޮންމެވެސް މީހަކު އޭނާ ގޭމް ޖައްސަނީއޭ ބުނާ އަޑު އެހީމެވެ. އަޅުގަނޑުމެން އެތާ ބިންމަތީގައި އޮށޯވެ ތިއްބާ، ދަންވަރުގެ ވަގުތުގައި ގޮވާފައި ވޯކްޝޮޕްތެރެއަށް ވެއްދިއެވެ. އެތާނގައި ނިދިފައި ތިއްބާ، ފަތިހު ގެންގޮސް ލައިބްރަރީހުންނަ ގޯތިތެރެއަށް ވެއްދިއެވެ. ދެން އެދުވަހު މެންދުރެއްހާއިރު މީހުން ހަޅޭއްލަވާއަޑު އިވުނެވެ. ދެން އޭގެ، 30 މިނެޓެއްހާއިރު ފަހުން ބަޑިޖަހާއަޑު އިވުނެވެ.”
އާދެ! އަދި އީވާން ނަސީމާއެކު އެއްގޮޅިއެއްގައި ބަންދުކޮށްފައި ހުރި، ބ.ގޮއިދޫ މާރަނގާލި، މުހަންމަދު ޝިނާން ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
“އަޅުގަނޑުމެން ފަތީގައި ބައިތިއްބާފައި ތިބިއިރު އީވާން ރޮމުން ވާހަކަދައްކާ އަޑު އެހީމެވެ. އީވާން ކިޔަމުން ދިޔައީ، “މާތް ﷲ ގަންދީހުވައޭ ދުވަހަކުވެސް މީހަކުގައިގައެއް ނުޖަހަމޭ، ތިމަންނަ ގައިގާ ނުޖަހާށޭ، އަބްދު ﷲ ޕާޕާއޭ، ޢަދުނާން ޕާޕާއޭ، މަޢާފުކުރާށޭ ހެޔޮނުވާނޭ އަހަރެން މި މަރުވަނީއޭ،” މިހެންނެވެ. އަދި އީވާންގައިގާ ވަރަށް ގިނައިންތެޅި އަޑުއެހީމެވެ.
ނަމަވެސް ފަހަތްބަލައި ލައިފިނަމަ ތަޅައިގަންނާތީ ފަހަތްބަލައިލާކަށް ނުކެރެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބަލައިލަމެވެ. އަދި، 4 ވަރަކަށް ސިފައިން އީވާންގެބޮލުގައި ސަތަރިގަނޑެއް އެޅިތަން އަޅުގަނޑު ދުށީމެވެ. މިސިފައިން ވަކިކުރާކަށް ނޭނގެއެވެ. މިސަތަރިގަނޑުން އީވާންގެ ގައި އެއްކޮށް ފޮރުވިއެވެ. ސަތަރިއެޅުމަށް ފަހު ތެޅިއަޑު ވެސް އެހީމެވެ. އަދި އީވާން ރޯއަޑު ވެސް އެހީމެވެ.”
އީވާނު ބެއްލެވި ޑޮކުޓަރުގެ ބަޔާން:
އީވާންގެ މަރުވެފައިވާ ހަށިގަނޑު ބެއްލެވި އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ މުޙައްމަދު ޝާފިޢު، ރިޔާސީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނުގައި ވަނީ އަންނަނިވި އިބާރާތްތަކެވެ.
“އީވާންގެ ހަށިގަނޑުވަނީ ތެމިފައެވެ. އަދި ލައިގެންހުރި ހެދުން ވީދިފައިވާކަން ފާހަގަކުރެވުނެވެ. މުޅިގައިގައި އެކިހިސާބުގައި ވެލިހުއްޓެވެ. އަޅުގަނޑު ފުރަތަމަހީކުރީ މޫދަށް ވެއްޓިގެނބިގެން މަރުވެފައިވާ މީހެއްކަމަށެވެ. މަރުވެގެން ގިނައިރުވުމުގެ ސަބަބުން ހަށިގަނޑު ހަރުކަށިވެ ދެއަތްވެސް އޮޅަބޮށިން ލެނބިފައިވެއެވެ.
މޫނުމަތިން ފެނުނު ފާހަގަތަކަކީ، ނިތްކުރީގެ ވައަތްފަރާތުގައި ހަލާކުވެފައިވާ ތަނާއި ނޭފަތުގެކޮޅު ހަލާކުވެފައިވާ ކަމެވެ. ހަށިގަނޑުގައި އެންމެ ފާހަގަކޮށްލެވެނީ ކަނާއަތުގެފަލަ މަސްގަނޑުގައި އެއްޗަކުން ވަރަށް ބާރަށްޖެހި ނުވަތަ ފިތުމުގެ ސަބަބުން ނޫފައިގަނެ، ވަށައިގެން ރަތްއަރާފައިވާ ތަނެވެ.
ބޭރުންބެލިބެލުމުގައި އެއްވެސް ގުނަވަނެއް ބިނދިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ބަނޑުގައި ވައިހެދި ވަނީ ވަރަށްބޮޑަށް ފުފިފައެވެ. ބަނޑުގައިވެސް ރަތްއަރާފައިވާ ތިންތަންކޮޅު ފާހަގަ ކުރެވުނެވެ. ކަނާއަތުފަލަ މަސްގަނޑުގައި ވެސް އެއްޗަކުން ޖެހުމުން ގެންލުން ވެފައިވާފަދަ ދެތަނެއް ފާހަގަކުރެވުނެވެ. އަދި މަށާއިގެން ގޮސްފައިވާ ތަންތަންކޮޅު ދެފައިގެ ފައިތިލައިން ފެންނަންހުއްޓެވެ.
ކަނާއަތު އުޅަބޮށިން ތިރީގައި ހަލާކުވެފައިވާ ފާރުގަނޑު ވައްތަރީ، އަލިފާންފަދަ ހޫނުއެއްޗެއް ޖެއްސުމުން ލިބިފައިވާ ގެއްލުމެއް ކަމަށެވެ. އަތުގެ ކުޑަހުޅުން ކަނޑާނެގިފައިވާ ތިންތަންކޮޅެއް ފާހަގަ ކުރެވުނެވެ. މިގޮތަށް ކަނޑާނެގިފައިވާ ގޮތް ދިމާވިކަމަށް ލަފާކުރެވެނީ، އަތުގައި އައްސާފައިވާ އެއްޗެއްނޫނީ އަޅުވާފައިވާ ބިޑިއެއް ކޮންމެވެސް ގޮތަކުން ބާރުވެގެން ކަމަށެވެ.
އީވާނަށް ލިބިފައިވާ އެހެންގެއްލުން ތަކަށް ބަލާއިރު، ބޮލުގެނާށިގަނޑާއި ހަންގަނޑާ ދޭތެރެއަށް ވައަތްފަރާތުން ލޭއަރާފައިވާކަމާއި، ގޮހޮރުގެ އެކިހިސާބުގައި އާދަޔާޚިލާފަށް ވައިހެދިފައިވާކަން ފާހަގަ ކުރެވެއެވެ. މިހުރިހާ ގެއްލުމަކަށް ބަލާއިރު، ޙަސަން އީވާން ނަސީމް މަރުވިކަމަށް ގަބޫލުކުރެވޭ އެންމެމުހިންމުއެއް ސަބަބަކީ، ފުއްޕާމެއަށް ލިބިފައިވާގެއްލުން، އެއީ އީވާނުގެ މޭމަތީގެ ކަނާތު، 7 ވަނަ ކަށިގަނޑު ބިނދި، އަދި އެފަރާތު ފުއްޕާމޭ ހިނދިމުގެ ސަބަބުންނާއި އެކަމަށް ދެވެންވާ ކުއްލިއަވަސް ފަރުވާ ނުލިބި ގިނައިރު ވެގެންކަމުގައި އަޅުގަނޑަށް ފެނެއެވެ. އަދި މިހެންވެ، ވައަތުފުއްޕާމޭގައި ލޭޖަމާވުމުގެ ސަބަބުން ހަށިގަނޑަށް ފުދޭވަރަށް އޮކްސިޖަން ނުލިބި މަރުވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.”
އީވާން މަންމަގެ ވާހަކަތައް:
އާދެ! އީވާން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައި އޮތް ޚަބަރު، އެނާގެ މަންމަ މ.އޭޝިޔާ މަރިޔަމް މަނިކެއަށް ލިބުނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެވަގުތު މަރިޔަމްމަނިކެ ހޮސްޕިޓަލަށް ދިޔައީ އީވާނަށް އަނިޔާއެއްވެގެން ގެނައިކަމަށް ހީކޮށެވެ.
އޭރު އީވާން ބާއްވާފައި އޮތީ ބޭސްއަޅާ ކޮޓަރީގައެވެ. އެކޮޓަރީގެ އެތެރެއާއި ބޭރުގައި ވެސް ސިފައިން ތިއްބެވެ.
އީވާން ކޮބައިތޯ މަރިޔަމްމަނިކެ ސުވާލުކުރުމުން، ކޮޓަރިތެރެއިން ނުކުންނެވި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް މޫސާ ވިދާޅުވީ، “އީވާންރޭ ނިޔާވެއްޖެ” ކަމަށެވެ. އެވަގުތުން ފެށިގެން މަރިޔަމްމަނިކެ ބޭނުންވީ އޭނާގެ ދަރިފުޅުގެ މޫނުދެކޭށެވެ. ދެން މިތާނގައި މިގެނެސްދެނީ، 15 ސެޕްޓެމްބަރ 2003 ގައި ރިޔާސީ ކޮމިޝަނަށް އީވާންގެ މަންމަ މަރިޔަމްމަނިކެ ދެއްވާފައިވާ ބަޔާނުން ބައެކެވެ.
“އީވާންގެ މޫނު ދައްކާށޭ ބުނެ އާދޭސް ކުރުމުންވެސް އެވަގުތު އީވާނުގެ މޫނެއް ނުދެއްކިއެވެ. 25 ށް މިނެޓްވަންދެން މޫނުދައްކާށޭ ކިޔާ އަޅުގަނޑު އާދޭސްކުރީމެވެ. މޫނު ދެއްކޭނީ، ސިފައިން އަދި ޑޮކްޓަރުން ބެލީމާކަމަށް ބުންޏެވެ. އެވަގުތު އެތަނަށް ޑޮކްޓަރ އަހްމަދުރާޒީ ދުރުވުމުން އަޅުގަނޑު ދެންނެވީ އަޅުގަނޑަކީ، ޙަސަން އީވާން ނަސީމުގެ މަންމަކަމަށާއި އަދިވެސް އަޅުގަނޑު މިއުޅެނީ، މޫނު ނުފެނިގެން ކަމަށެވެ.
ދެން ރާޒީ ވިދާޅުވީ، ތިމަންނަވެސް މިއައީ ދެންމެކަމަށާއި އީވާނުގެ ހަށިގަނޑު ބަލާފައި ދައްކާނެ ކަމަށެވެ. އީވާން ބާއްވާފައި އޮތްތަނަށް އަޅުގަނޑަށް ވަދެވުނީ، ރާޒީ ނުކުމެ ވަޑައިގެން އަންނާށޭ އަޅުގަނޑު ގާތުގައި ބުނުމުންނެވެ. އީވާން އަޅުގަނޑަށް ފެނުނީ، ހޮސްޕިޓަލަށް ދިޔަތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.
އަޅުގަނޑުގޮސް އެތާތިބި ސިފައިންނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހުންގެ ކައިރީގައި އީވާން މަރުވީކީއްވެތޯ އެހުމުން އެމީހުންނަށް ނޭނގޭކަމަށް ބުންޏެވެ. އަޅުގަނޑު ގޮސް އީވާން ކައިރީގައި ހުއްޓުނުއިރު އީވާން ގައިމަތީގައިއޮތީ ފޮތިގަނޑެއް އަޅާފައެވެ. ފެންނަންއޮތީ ހަމައެކަނި އީވާނުގެ މޫނެވެ.
އީވާނުގެ ހަށިގަނޑު، އަޅުގަނޑުމެންނާ ހަވާލުކޮށް ދިނުމަށާ، އަދި ޢާއިލާގެމީހުންނަށް އީވާނުގެ މޫނުދެއްކުމަށް އެދި ވަރަށްއާދޭސް ކުރުމުން ފަހަރަކު ދެމީހުން ވަދެ އީވާނުގެ މޫނު ބެލިދާނެކަމަށް ބުންޏެވެ. އޭގެ ކުރިން ދެތިން ފަހަރު ވަނީމެވެ. އަޅުގަނޑު ވަންއިރު އީވާނުގެ އެއްފަރާތުގައި ސިފައިންގެ ދެމީހުންތިއްބެވެ.
އަނެއްކޮޅުގައި ނަރުސްކުދިންގެ ދެކުދިން ތިއްބެވެ. އީވާނުގެ ހަށިގަނޑު ބަލައިލާނަމޭހިތާ ގައިމަތީ އަޅާފައިއޮތް ފޮތިގަނޑުހިއްލަން އުޅެން ހެދީމާ، ސިފައިނާއި ނަރުސްކުދިން ނުހިއްލާށޭ ކިޔާފައި ފޮތިގަނޑު ހިއްލިއަނުދީ ހިފެހެއްޓިއެވެ.
އަޅުގަނޑު ގަދަކަމުން ފޮތިގަނޑުހިއްލިއިރު، އަޅުގަނޑަށް ފެނުނީ އީވާނުގެ އަތުގައި އަނިޔާކޮށްފައިހުރި މަންޒަރުތަކެވެ. އޭރު އީވާނުގައިގާއޮތް ޓީޝާޓްއޮތީ ފަޅާލާފައެވެ. ފުރަތަމަ އަޅުގަނޑަށް ފެނުނު އިރު، އީވާން ލައިގެން އޮތް ޓީޝާޓްފެނުނީ ކަރާހަމައިންނެވެ. ފަހުންފޮތިގަނޑު ނެގިއިރު އީވާންގައިގާ އެއްޗެއްއޮތްހެނެއް ހިއެއްނުވެއެވެ.
އީވާނުގެ ހަށިގަނޑު އަޅުގަނޑާ ހަވާލުނުކޮށްގެން، އަޅުގަނޑުގެ ރައްޓެއްސެއް މެދުވެރިކޮށް، ޑިޕާޓްމަންޓް އޮފް ކަރެކްޝަންގެ ޑިރެކްޓަރ މުޢިއްޒު (މުޙައްމަދު މުޢިއްޒު، މ.ގުލްފާމުގެ، މާލެ) އާގުޅާވާހަކަ ދެއްކުމަށް ފަހު، ދިހަވަރަކަށް މިނެޓްނުވަނީސް އީވާނުގެ ހަށިގަނޑު އަޅުގަނޑުމެންނާ ހަވާލުކޮށްފިއެވެ.”
އާދެ! އާސަހަރާއަށް އީވާންގެ ހަށިގަނޑު ގެންދިޔައިރު އެޚަބަރު އޮތީ، މުޅި މާލެތެރެއަށް ފެތުރިފައެވެ. ސިފައިން، އީވާނަށް ކޮށްފައިވާ އަނިޔާތައް ވަރަށްފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ. އީވާނުގެ މޫނުދުށުމަށްޓަކައި ގިނަ ޢަދަދެއްގެ އާންމުން ސަހަރާއަށް ޖަމާވިއެވެ. ވަރަށްގިނަ ރައްޔިތުން އޭރުންފެށިގެން ސަހަރާއަށް ޖަމާވަމުން ދިޔައެވެ. ޢާއިލާގެ މީހުންގެންދިޔައީ ތިމާގެމީހުންނަށާއި ރައްޓެހީންނަށް ގުޅައި، އީވާން ނިޔާވެއްޖެ ވާހަކަ އަންގަމުންނެވެ.
އެގޮތުން ވަރަށް އަވަހަށް މާލެތެރެއަށް މިއަޑު، ފެތުރިގެން ދިޔައެވެ. ޢަމުދުން ޖަލުގެ މަރަކަށްވާތީ އިސާހިތަކު ވަރަށްގިނަމީހުން ސަހަރާއަށް ޖަމާވިއެވެ. މީހުންތައް އެއްވެއްޖެއެވެ. މީގެތެރޭގައި އަޅުގަނޑާއި ބައެއް ސިޔާސީ ލީޑަރުންނާއި ސިފައިންގެ އިސްބޭކަލުންނާއި ރައީސް މައުމޫނުވެސް ސަހަރާއަށް ވަޑައިގަތެވެ.
20 ސެޕްޓެމްބަރ 2003މ. 23 ރަޖަބް 1424ހ، ވީހޮނިހިރު ދުވަހުވެސް އެހެންދުވަސް ތަކެކޭއެއްގޮތަށް، އަޅުގަނޑު އާދައިގެމަތިން ހޭލައި ފަތިސް ނަމާދުކުރުމަށް ފަހު، އާދައިގެމަތިން ހެދުނުނާޝްތާ ކޮށްގެން ބައެއްކަންތައް ކޮށްލުމަށްފަހު، ރަސްމީބަންދު ދުވަހަކަށް ވާތީ، އަނެއްކާވެސް ނިދާލާނީއޭ ހިތަށްއަރައިގެން އަންހެނުން ރުކު ކާރީގައި، 11:30 ވީމާ ގޮވާލައްޗޭ ބުނެފައި ނިދާލަން އޮށޯތީއެވެ.
އޭރު ހެނދުނު، 9:30 ވެދާނެއެވެ. އެހެނަސް ހޭލެވުނީ މެންދުރު، 12:00 ގައެވެ. ދެން ފެންވަރާލައިގެން މެންދުރުނަމާދުކޮށް ހަދައިގެން، ބީބީސީ ބަލަން އިނދެފައި، ސިލްވަރސީން އަލީވަޙީދު ޙަސަންމަނިކު (އަލިބެ) އާ ގުޅާލާނަމޭ ހިތަށްއަރާއި ގުޅާލުމުން، އަލީވަހީދު ބުންޏެވެ. އަވަހަށް ފެނިލަންވީއެވެ. ދައްކަންހުރި ބައިވަރު ވާހަކަތައް އެބަހުއްޓެވެ.
އަލިބެ ގާތުގައި، 2:00 ށް ތިގެއަށް ވަދެވޭވަރަށް ދާނަމޭބުނެފައި އިތުރުވާހަކަތަކެއް ނުދައްކަމެވެ. ދެންވެސް، 1:30 ވަންދެން، ޓިވީނިއޫސް ބަލަން އިނީއެވެ. ދެން ގެއިންނުކުމެ، ހިނގައިގަތީ އަލިބެ ހުންނަވާ އޭނަގެ އަންހެނުންގެ ގެކަމުގައިވާ، މއ.ހައިވަކަރުގެ އަށް ދާށެވެ.
އޯކިޑްމަގު ކުއްޅަވައްގެ އާ ހިސާބުން އަންހެނުންތަކަކާ ދިމާވެގެން އަވަހަށް ސަހަރާއަށް، އިލްޔާސް ވެސް ދާންޖެހޭނޭ ތިމަންނަމެން ވެސް މިދަނީ، ސަހަރާއަށް ކަމަށް އެމީހުން ބުންޏެވެ. އަދި ޖަލުގައި މާރާލިމީހަކު ސަހަރާގައި ބާއްވާފައި އޮތްކަމަށް އެމީހުން ބުންޏެވެ.
އެހެނަސް ދެން ވެސް އަޅުގަނޑުގެ މިސްރާބު ބެހެއްޓީ އަލިބެ ދިރިއުޅުއްވާ ހައިވަކަރުގެ އަށެވެ. އެގެއަށް ވަދެ، އަލިބެއާ ބައްދަލުވިއިރު މެންދުރުފަހު ދޭއްޖަހަން، 10 މިނެޓްހުއްޓެވެ. އަލިބެ ބުންޏެވެ! އަވަހަށް ޚަބަރު އަޑުއަހަމާ ހިންގާށެވެ. ދެން ދޭއްގެ ޚަބަރަށް ޓީވީ އަޅުވައިގެން ތިބީއެވެ.
އަދިވެސް އަލިބެ ބުންޏެވެ. މިއަދު ވާހަކަދައްކާކަށް ތިބޭނެވަގުތެއް ނެތެވެ. މާފުށީޖަލުގައި ސިފައިންގެ ބަޔަކު ހިންގި ޙާދިޘާ އަކާ ގުޅިގެން، ދޭއްގެ ޚަބަރުގައި އެވާހަކަތައް ގޮވާނެއެވެ. ރޭގައި ސިފައިން އަނިޔާކޮށްގެން ގައިދީއަކު ވަނީ މަރާލާފައެވެ.
އަދި އެގައިދީ މިހާރު އޮތީ ސަހަރާގައެވެ. ރައްޔިތުމީހުންތައް ވަނީ ރުޅިވެރިކަމާއެކު އެތަނަށް އެއްވާން ފަށާފައެވެ. އަލިބެމެންގޭގެ ސިޓިންރޫމްގައި ތިބެގެން، ޚަބަރުއަޑުއަހާ ނިމުނުތަނާހެން، މަޝްހޫރު ޔޫސޭ ގުޅާފައި ބުންޏެވެ! ތިޔައުޅެނީ ކޮންތާކު ހެއްޔެވެ؟ ތިޔަހުރިތާކުން، ހަމަ މިހާރު އާސަހަރާއަށް އަންނާށެވެ! ކަމަކުދާކަށް ނެތެވެ! ޖަލުގައިމަރާލި ކުއްޖާ މާލެ ގެނެސް ސަހަރާގައި ބާއްވާފައި އެބައޮތެވެ. ކޮންމެހެންވެސް، ދޮންބެ (އިލްޔާސް) އެތަނަށް އަންނަން ޖެހޭނެއެވެ.
ޔޫސޭ އާއި އަޅުގަނޑާތިމާގެ ވީމާ، އަޅުގަނޑަށް ކިޔާއުޅެނީ ދޮންބެއެވެ. ތިމަންނަ މިހިރީ މިތާނގައެވެ. އަވަހަށް އަންނާށެވެ! ޔޫސޭއަށް އަޅުގަނޑު ބެނެފީމެވެ. އަޅުގަނޑު، މީނދީ އަލިބެކައިރީގައި ހައިވަކަރުގޭގައި ޚަބަރުއަޑުއަހާށެވެ. ދެން ޔޫސޭ ބުނީ، ތިޔަގޭކައިރިއަށް މިތަނުން ކުއްޖަކު މިފޮނުވަނީއޭ، އޭނާގެ ސައިކަލު ފަހަތަށް އަރައިގެން އަވަހަށް މިތަނަށް، ސަހަރާއަށް އަންނާށެވެ. ދޮންބެ ބޭނުންވެއްޖެއެވެ!
އަހަރުމެންނާއި އަހަރުމެންގެ ޓީމުމިތާނގައި މިތިބީއެވެ. އަލިބެއަށް ޔޫސޭގެ މިވާހަކަތައް ކިޔައިދީ ނުނިމެނީސް އެގެއަށް ޕާޓޭންވައްތަރަށް ހުރިގޮލައަކު އިލްޔާސް ކޮބައިހޭ، ތިމަންނަ މިހިރީ ޔޫސޭފޮނުވައިގެން އިލްޔާސް ބަލައޭ، އޭނާ ބުނެފައި އަޅުގަނޑު އޭނާގެ ސައިކަލަށް އެރުމުން ވަރަށް ބާރަށް ދުއްވާފައި ގެންގޮސް ބޭލީ ޔޫސޭމެން ގްރޫޕް ކުރިމައްޗަށެވެ. މިކުއްޖާ އަހުރެން ނުދަންނަމެވެ. މިތާނގައި ޕާޓޭންގެ ކުދިން ގިނައެވެ. އޭރު އެ ގުރޫޕް ތިބީ ސަހަރާގެ ދޮރުމަތީގައެވެ.
އޭރު ގަޑިންވާނީ، 2:20 އެހާކަންހާއިރެވެ. މެންދުރުފަހެވެ. ދެން ޔޫސޭމެން ބުންޏެވެ. އަވަހަށް ސަހަރާތެރެއަށް ވަދެ އީވާންގެ ހަށިގަނޑު ބަލާށެވެ. އޭރުން އޭނާއަށް ސިފައިންކޮށްލާފައި ހުރިވަރު ދޮންބެއަށް ވެސް ހަމަލޮލުން ފެންނާނެއެވެ. ދޮންބެއަކީ ލިޔާ މީހެއް ނޫންހެއްޔެވެ! އޭރު އަދި އެހާ މީހުންތައް ގިނައެއް ނޫނެވެ. އެހެނަސް ފުދޭވަރަކަށް މީހުން ތިއްބެވެ.
އަދި އެކިދިމާތަކުން މީހުންތައްދަނީ ބާރަށްހިނގާފަ އާއި ދުވެފައި އަންނަމުންނެވެ. ޔޫސޭމެން ތިބީ ވަރަށް ހިންގާލާފައެވެ. އަވަސް ހަރަކާތުގައެވެ. ވަރަށް ފޯރީގައެވެ. ހަމަ ހެސްކިޔާފައި މީހުން އެއްކުރަނީއެވެ. އަދި ހަމައެވަގުތު ޖަލުގައި ސިފައިން ހިންގަމުން ގެންދިޔަ ބަޑިޖެހުމުގެ ޙާދިޘާގެ ވާހަކަތައް ވެސް ޔޫސޭމެން، ގްރޫޕުން ގެންދިޔައީ ފަތުރަމުންނެވެ.
އަދި މީސްތަކުންނަށް އަންގަމުންނެވެ. އަދި އެއީ މާމުހިންމުކަމެއް ގޮތުގައި މީހުންނަށް ބުނެދެމުން ގެންދިޔައެވެ. އިތުރު ދެމީހަކު މަރުވި ވާހަކައެއްވެސް ބާރަށް ފެތުރިފައިއޮތެވެ. ސަހަރާތެރެވަނީ ވަރަށް ސީރިއަސް ހާލަތަކަށް އައިސްފައެވެ.
ރައްޔިތުމީހުންތައް ތިބީ ރުޅިއައިސް ކެކިފައެވެ. ރަތަށް އަރާފައެވެ. އަދި މިވަގުތު ސަހަރާތެރޭގައި ބޮޑުކުލައިގެ އެކަކުވެސް ނެތެވެ. ދެން އަވަހަށް އަޅުގަނޑު ހިނަވާކޮޓަރިއަށް ވަދެ، އީވާނުގެ ވަށައިގެން އެނބުރި ވަރަށް ރަނގަޅަށް އަތްލައިބަލާ ހެދީމެވެ. ހަށިގަނޑު ފިތާ ވެސް ހެދީމެވެ. ހުރީ ވަރަށް އަނިޔާކޮށްފައެވެ. އެސޮރުއޮތީ ވަރަށްބޮޑަށް ތަޅާލާފައެވެ. އަނިޔާކޮށްފައެވެ. އަދި އަލިފާންވެސް ޖައްސާފައި ހުއްޓެވެ.
ރަނގަޅަށް ބަލާހެދުމަށް ފަހު، ބޭރަށްނުކުމެ އީވާންގެ ބައްޕައަކީ ކާކުތޯޔޫސޭ ގްރޫޕައި ސުވާލުކުރުމުން ބުނެދިނީ އެއީ މާގަސްދޮށުގޭގައި އޭރު ހުންނެވި ނަސީމްކަމަށެވެ. ކުރިން ތުނބުޅިދިގުކޮށް ބަހައްޓާފައި ހުއްޓެވެ. މިހާރު ހުންނާނީ ސާފުކޮށްބާލާފައެވެ. އޭނާއަކީ ކޮނޑޭވޯކްޝޮޕްގައި އުޅުއްވި ނަސީމޭ މިވެރިން ކިޔަދިނުމުން އެއީ ކޮން ނަސީމެއްކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް ސާފުވެއްޖެއެވެ.
އަދި އިރުކޮޅެއް ތެރޭގައި އެތަނަށް ނަސީމު، ސައިކަލެއްގައި ދުރުވުމުން އަޅުގަނޑު އޭނާއައި ބައްދަލުކުރީމެވެ. އަދި އޭނާއެދުނު ބައެއްކަންތައް ވަގުތުން ކޮށްދިނީމެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތިބައްޕަ އަރިހުގައި ކޮނޑޭވޯކްޝޮޕްގައި އުޅުއްވި އިންޖިނޭރެކެވެ. އެދުވަސްވަރު ކޮނޑޭތުއްތު މަނިކާއި ބައްޕައައި އޮންނަ ގާތްކަމުން ބައްޕަ ވޯކްޝޮޕަށް ހިސާބުތައް ބަލަހައްޓައިދިނުމަށް ދުރުވެ ހައްދަވައެވެ.
އަދި އެތާންގެ ފައިސާއާ ބެހޭ ހުރިހާކަމެއް ބަލަހައްޓަވައި ދެއްވާ ކޭޝިޔަރަކީ ބައްޕައެވެ. މިނަސީމަކީ އެދުވަސްވަރުން ފެށިގެން، ޖަވާހިރުވާދީއަށް ވަރަށްގިނައިން ދުރުވެއުޅުއްވާ ބޭފުޅެކެވެ. ފެމެލީ ރަހުމަތްތެރިއެކެވެ. އެހެންވުމުން އޭނާއަކީ އަޅުގަނޑުމެން ޢާއިލާގެ ގާތް ރައްޓެއްސެކެވެ. މިވާހަކަތައް ދެއްކެވުމަށް ފަހު، ނަސީމު މީހެއްގެ ސައިކަލް ފަހަތުގައި އަނެއްކާވެސް ކޮންމެވެސް ދިމާއަކަށް ދުރުވެއްޖެއެވެ.
ދެން ސަހަރާދޮރުމަތިން ދިމާވީ، ކޮލި ޙަސަން މަނިކުގެ ދަރިކަނބަލުން އައިންތުއާ އިނދެގެން އޭރު އުޅުއްވި ހުސައިނު އާއެވެ. ވަރަށްދެރަވެފައި ހުސައިން ބުނުއްވީ، ނަސީމްގެ ދަރިފުޅަކީ އޭނާގެ މަންމަފަރާތުން ވަރަށްތިމާގެ ކުއްޖެކެވެ. އީވާން ޖަލުގައި ހުންނަނީ، ޑުރަގު މައްސަލައަކާ ގުޅިގެން، ހުކުމްކޮށް ހައަހަރު ދުވަހަށް ޖަލުގައި ހުންނަން ޖެހިފައިވާތީއެވެ. ފުރަތަމަ ތިމަންނަމެންނަށް އަންގައިގެން ހޮސްޕިޓަލަށް ދިޔައިރު، އޭނާގެނޭފަތާއި ކަންފަތުގައި ވެލިފެންނަން ހުއްޓެވެ.
މިހާރުއެއޮތީ ވަރަށްސާފުކޮށް ހަދާފާއި ގަނޑުފެން އަޅައިގެން ދުޅަކަނޑުވައި ބައެއް ގުނަވަންތައް ތެދުކޮށް ހަދައިގެން ބަނދެހަދައިގެން ގެނެސްފައެވެ. އަދިވެސް ޒަހަމްތައް ތާޒާކޮށް ފެންނަން އެހެރީއެވެ. ހާދަހާދެރައެވެ. އިލްޔާސްމެން މިކަމާއުޅުއްވަން ވާނެ ނޫންތޯއެވެ. އަޅުގަނޑު އާދެހޭ ދެންނެވީމެވެ. މިހާރު ވެސް ބޭރަށް ޚަބަރުތައް މިދަނީ ދެމުންނޭ، ފޮނުވަމުންނޭ ބުނީމެވެ.
ޢާއިލާގެ ބޭފުޅުން މަޢުލޫމާތުދެއްވި ގޮތުގައި އީވާނަށް ލިބުނު ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ރޭފަތިހު، 4 ގެކުރިން އީވާންވަނީ މަރުވެފައެވެ. ހޮސްޕިޓަލަށް ގެނައީ އިރުއަރަން އުޅެނިކޮށެވެ. އީވާނުގެ މަންމަ އާއި އެމީހުންނަށް ހޮސްޕިޓަލަށް ދެވުނީ، 7:10 އެހާކަންހާ އިރުއެވެ.
އީވާންއޮތީ ހަރުދަނޑި އަރާފައެވެ. ދެފައިކައިރިކޮށް ބަނދެފައި އެވަނީ، ގަދަކަމުން ކަމަށް ބުންޏެވެ. އީވާން ޢާއިލާގެ ފަރާތުން ލިބުނު ވާހަކަތަކަށް ފަހު، އަނެއްކާވެސް ހިނަވާގެއަށްވަދެ، އީވާން ވަށައިގެން އެބުރި އިތުރަށް ބަލާ ހެދުމުން މިބޭފުޅުން ދެއްކެވި ވާހަކަތަކަކީ މުޅިންތެދުކަން ސާފުކޮށް އެނގުނެވެ.
ގަދަކަމުން ދެފައިކައިރިކޮށް ބަނދެފައި އޮތްކަން އެނގެއެވެ. އަދި ފައިގެ ދެބޮޑުވައި އިގިލިގާތްވާ ވަރަކަށް ގަދަކަމުން ގާތްކޮށް ފޮތިފަށަކުން ބަނދެފައި ހުރިކަން ފާހަގަ ކުރެވުނެވެ. ދެފައިގެ ބޮޑުވައި ދެއިނގިލި ކައިރިނުވެ ވާތަން ފެންނަންހުއްޓެވެ.
ދެފައިގެ ފުންނާބައި ހިސާބުން އޮތީކައިރި ނުކުރެވިފައިކަން ފެންނަން ހުއްޓެވެ. ދެކަކޫވެސް ދެބޮޑުވައި އިނގިލިވެސް އިނީ ނުޖެހިއެވެ. އަދި ދެއަތްވެސް ގަދަކަމުން ވާންކޮށްގެން ގެނެސް ގަދަބާރުން ބަނދެފައި ހުރިތަން ފެނުނެވެ. ދެން ބޭރަށް ނުކުމެ، ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) ފެންނަން ނެތީމާ، އަންނިއަށް ފޯނުން ގުޅާލިއިރު އަންނި އުޅުއްވަނީ ސަހަރާއަށް އައުމުގެ މަގުމަތީގައެވެ.
އިސާހިތަކު އަންނިވެސް ސަހަރާއަށް ވަޑައިގެންފިއެވެ. ވަރަށް މީހުންގަނޑު ގިނަކޮށްލައިފިއެވެ. އޭރު އީވާން އޮތީ ގައިމަތީގައި އޮތްފޮތިގަނޑު ނަގައި މުޅިހަށިގަނޑު ފެންނަވަރަށް އެކިމީހުން ވެގެން ކަޝްފުކޮށް ލާފައެވެ. ފޮތިގަނޑުއޮތީ އައުރައަށް ވާހިސާބުގައި ގުޅަކަރުވާލާފައެވެ.
ރީތިކޮށް އެންމެންނަށް އީވާނުގެ ހަށިގަނޑުއެއްކޮށް ފެނެއެވެ. ސިފައިން ކޮށްފައި ހުރި ލާއިންސާނީ، އަނިޔާވެރި އަމަލުތައް އެމަޢުޞޫމް ހަށިގަނޑުން ޢައިލާއިން ބުނެދެމުން ގެންދާގޮތަށް ފެންނަންހުއްޓެވެ. ސިފައިންގެ ތެރެއިން ބަޔަކުމީހުން އަނިޔާކުރިކަން ސާބިތުވާން ހުއްޓެވެ. އިތުރުހެއްކެއް ބޭނުމެއް ނުވެއެވެ. ފޮޓޯތައްނަގާއި ވީޑިޔޯތައްނަގާ މީހުންގެންދަނީ ހުއްޓުމެއްނެތި އެކަން ކުރަމުންނެވެ.
ކުއްލިއަކަށް ސަހަރާތެރެއަށް ސިފައިންގެ ފޯހެއް، މީހުންތައް ފޫއަޅުވަމުން ވަދެގެން އަންނަތަން ފެނިއްޖެއެވެ. މިކަމާ ވިސްނާލުމުން، ރައީސް މައުމޫނު ސަހަރާއަށް ވަޑައިގަންނަވަން ތައްޔާރު ވަނީކަން ކަށަވަރު ވެއްޖެއެވެ. މީގެ ތެރޭގައި ސްޕެޝަލްގާޑުން ތިބުމުން މިކަން ކަށަވަރު ވީއެވެ. މީގެކުޑަ އިރުކޮޅެއްކުރިން ޑޮކްޓަރ ރާޒި ވަޑައިގެންނެވިތަން ފެނުނެވެ. އޭގެކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ހަމަޖެއްސެވި ރިޔާސީ ކޮމިޝަނުގެ ބޭފުޅުން ރައީސް އޮފީހުގެ ވޭނެއްގައި ވަޑައިގެންވިތަން ފެނިއްޖެއެވެ.
މިވޭނުން ފައިބައި ވަޑައިގެންނެވީ، ރިޔާސި ކޮމިޝަނުގެ ރައީސް އޮނަރަބްލް އަބްދުއްސައްތާރު މޫސާދިދީ އާއި އެބޭފުޅާގެ ޓީމެވެ. ރައީސް އޮފީހުގެ ބޭފުޅެއް ކަމުގައިވާ، އައްޝައިޚް ޙަސަން ޔޫސުފް ވެސް ހުންނެވިއެވެ. އެއަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ސަހަރާއަށް ވަޑައިގެންފިއެވެ.
އީވާނުގެ ވަށައިގެން ބައްލަވާލައްވައި އީވާންގައިގާ އަތްޖައްސާ ލެއްވުމަށް ފަހު ދުލުން، ދުޢާއެއް ވިދާޅުވެ ލެއްވިތަން ފެނުނެވެ. ދެތުންފަތްޕުޅާއި ދޫފުޅު ތެޅުވުނުތަން ފެނުނެވެ. ވިދާޅުވި އެއްޗެއް އަޅުގަނޑު މެންނަށްނީވޭތީ ދެނެވޮޑިގެންވާނީ، ﷲ އާއި އެމަނިކުފާނު އަށެވެ.
މާގިނައިރު މަޑުނުކުރައްވައި ވަރަށް އަވަހަށް ނުކުމެވަޑައި ގެންފިއެވެ. ދެން ރިޔާސީ ކޮމިޝަނުގެ ރައީސް އަރިހުގައި ބަސްފުޅެއް ވިދާޅުވުމަށް ފަހު، އެނބުރި ވަޑައިގަތީއެވެ. އެވަގުތު މަދުބަޔަކު ހަޅޭލަވާ ދޭއްޗެކޭ ބުނެލާއި ކޮއްޕާއި ގަޅުވާ ހެދިއެވެ. އެހެނަސް މިއީ ރައިސް މައުމޫނު ހުންނެވި ހިސާބާ ދުރުންހިނގި ކަންތަކެވެ. ސިފައިން ތިބިލެއް ގިނަކަމުން ރައީސް އަރިހުން މީހުންތައް ތިބީ ތަންކޮޅެއް ދުރުގައެވެ. އެހެނަސް މީހުންތަކުގެ ތެރެއިން ރައީސް މައުމޫނު ނުކުންނެވި އިރުވެސް ކޮއްޕާހެދިއެވެ.
އެހެނަސް ސިފައިންއޮތީ ރީތިމަގެއް ހަދައި ހިންގެވޭވަރުކޮށް ފައެވެ. މިކަމުގެ ތެރޭގައި އެއްވެސް ނޭއްގާނީކަމެއް ރައްޔިތުންގެ ތެރެއިން ހިނގާފައެއް ނުވެއެވެ. ރައީސް މައުމޫނުގެ ކެރިވަޑައިގަތުމަށް ސާބަސްއަރުވަމެވެ. ހޫނު ކުރަން ތިބި މީހުންނަކީ އަޑުގަނޑު މެންނެވެ. އަޅުގަނޑުމެން ވެސް ތިބީ މަންޒަރުބަލަން މަޑުމަޑުންނެވެ. ރީތިކޮށެވެ. ހިމޭންކޮށެވެ. ޔޫސޭގުރޫޕަށް ފަހު، ނަގާކިޔަން އުޅުނީ، ޟިޔާ ޢައްބާސް ގެންގުޅުނު ޕާޓޭންގެ ޓީމެކެވެ.
މިޓީމުގެ ހަރަކާތްތައް ގްރޫޕެއްގެ ސިފައިގައި ފެންނަންފެށުމުން އަޅުގަނޑު މިމީހުންގެ ތެރޭގައި ނުހުރުމަށް، ހ.ސުނާރު މާލެ، އަލްފާޟިލް ސިއްކަގޭ މުހަންމަދު ނަސީމް، (ނަސީމްބެ) ގެ ފަރާތުން ނަސޭހަތް ލިބުމުން މީހުންގަނޑު ތެރޭގައި އިތުރަށް ނޫޅެ މާލޭން ވެސް ބޭރަށް އަވަހަށް ނައްޓާލުމަށް ނިންމީއެވެ. މިދުވަހު މެންދުރު ފަހުން ދެތިން ފަހަރަކު ނަސީމްބެއައި ފޯނުން ގުޅުނެވެ. ނަސީމްބެ އަކީ މިކަހަލަ ހައްސާސީ ދަނޑިވަޅުތަކުގައި އަބަދުވެސް ގޭގައި އިންނަވައިގެން އަޅުގަނޑައި ގުޅުއްވާ ބޭފުޅެކެވެ.

ސިޔާސީ ޚަބަރުތައް އެއްކުރައްވާއި ދިރާސާކުރައްވާ ބޭފުޅެކެވެ. އަދި ނަސީމްބެއަކީ އަޅުގަނޑުމެން ކިޔެވިދުވަސް ވަރުގައި އަޅުގަނޑުމެންގެ ސިޔާސީ އެދުރުބެއެވެ. ނަސީމްބެ އިސްކޮށް ހުންނަވައިގެން ފާކިސްތާނުގަ އާއި ސަޢޫދީ ޢަރަބިޔާގައި ކިޔަވާކުދިންގެ ނަމުގައި ވަރަށްގިނަ ސިޔާސީ ހަރަކާތްތައް ހިންގާފައި ވާނެއެވެ. ޕާކިސްތާނުގެ ދިވެހި ކިޔަވާކުދިންގެ ޖަމުއިއްޔާ "މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން ޕާކިސްރާން" އާއި ދަ މޯލްޑުވިއަން އިސްލާމިކް ޔޫތު އޯގަނައިޒޭޝަން "މިޔޯ" ކިޔާ ޖަމުއިއްޔާއެއް ރަޖިސްޓުރީކޮށް އައްލާމާ މައުދޫދީގެ ބައެއްފޮތްތައް ދިވެހިބަހަށް ގެނެސް އަޅުގަނޑުމެން ވެގެން ޗާޕުކުރީމެވެ.

އާދެ! ރައީސް މައުމޫނު ސަހަރާއިން ވަޑައިގެންނެވުމުން ދެންފެނުނީ، ސިފައިންގެ ޓާސްފޯސް ގްރޫޕެއް ސަހަރާ ތެރެއަށް ވަންނަން ހިފާލިތަނެވެ. އަޅުގަނޑުމެން ދޮރުމަތީގައި ވަރަށްކައިރީގައި ތިބީމެވެ. އެއްބަޔަކު ޓާސްފޯހަށް މަރްޙަބާކިޔާށޭ ގޮވާއަޑު އިވުނެވެ. އަނެއްބަޔަކު ކޮށްޕާގަޅުވާއި ޓާސްފޯސް ވަނުމަށް ހުރަސްއަޅަމުން ގެންދާތަން ފެނުނެވެ. ދެން ފެނުނީ އެންމެންވެގެން ޓާސްފޯސް ސަހަރާގެގޭޓުން ބޭރުކޮށްލި ތަނެވެ. މާގަދަހަދަން ނޫޅެ ޓާސްފޯސް އެކުގައި ސަހަރާއިން ނުކުމެގެން ގޮސް ގެއްލިއްޖެއެވެ.
މިފިއްތުންގަނޑު ތެރޭގައިބައެއް މީހުންކޮށްޕާއި ތަޅާވެސް ހެދިތަން ފެނުނެވެ. ޖެހުނުމީހަކު ޖަހާވެސްހެދިއެވެ. ދެންފެނުނީ، ޔުނީފޯމްއެޅި އެންމެން އެސަރަހުއްދުން ގެއްލުނުތަނެވެ. އަދި ބޭނުންބަޔަކު ބޭނުންގޮތަކަށް އުޅެން ދޫކޮށްލި ތަނެވެ. ބޭނުމަކީ ރަށުތެރޭގައި ގޯސްތަކެއް މިމީހުންގެ ޕާޓޭންލައްވައި ހިންގުމެވެ.
ޖާސޫސުކުރުމަށް އުޅޭ އާދައިގެ ހެދުމުގައި ތިބި ސިފައިން ސަހަރާ ތެރެއިންނާއި ބޭރުން ގިނައިން ފެންނަމުން ދިޔައެވެ. ޢަޞުރުނަމާދަށް ބަންގިގޮވުމުން ވުޟޫއު ކޮށްލައިގެން ނަމާދަށް އެރީ ސަހަރާ މިސްކިތަށެވެ. ޖަމާޢަތުގައި ޢަޞުރުނަމާދު ކުރުމަށް ފަހު ވެސް ސަހަރާގައި ހަވީރު، 5 ޖަހާލަންދެން ހުރެފައި ނަސީމްބެގެ ކޯލްއައުމަށް ފަހު، ފުރަތަމަ ދިޔައީ އަލިބެ ކައިރިއަށް ހައިވަކަރުގެ އަށެވެ.
އެގެއިން އަލިބެއާއެކު ސައިތައްޓެއް ބޮއިގެން، މއ.ސިލްވަރސީން އަޖްވަދު ވަހީދު (އަޖޫބެ) ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލޭ ފެރީޓާމިނަލަށެވެ. ފެރީޓާމިނަލަށް އާދެވުނު އިރު ފެރީއެއް ހަމަ ނައްޓާލީއެވެ. ދެންގޮވާއި އަތުންހަނާ އަޅާއި އިޝާރާތް ކުރުމުން ތޮށިގަނޑާ އަނެއްކާވެސް ކައިރިކުރުމުން އެފެރީގައި ހުޅުމާލެއަށް ފުރީއެވެ. މާލޭންނުކުތުމަށް އަޅުގަނޑު ގަސްދުކުރީ، ނަސީމްބެގެ ބަހަށެވެ. ހަދަންވީ ގޮތް ނަސީމްބެ ބުނެދެއްވިއެވެ. ކޮންމެފަހަރަކު ވެސް ސިފައިން އެންމެ ފުރަތަމަ ތިޔަގެންދަނީ އިލްޔާސެވެ.
އެހެންވެ ތިޔަކަމުގައި ވެސް އިލްޔާސް ގެންގޮސް ބަންދުކުރުން ވަރަށް ކައިރިއެވެ. އަވަހަށް މާލޭންބޭރަށް ދާށެވެ! މިއީ ނަސީމްބެގެ ބަހެވެ. އަޅުގަނޑު ހުޅުމާލެއަށް ގޮސް ހުޅުމާލޭގައި ހުންނަކުޑަ މިސްކިތުގައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ޤަޞްރަށް ކުރީމެވެ. ދެނަމާދު އެކުގައިކޮށް، ﷲއަށް ދުޢާދަންނަވައި ނުލަފާ ޖައްބާރު އަނިޔާވެރިންގެ އަނިޔާތަކުން ސަލާމަތްކޮށް ދެއްވާއި ހެޔޮގޮތްތައް އަޅުގަނޑަށް މެދުވެރި ކުރެއްވުމަށް އެދި ދެންނެވީމެވެ.
އަދި މިދުޢާގައި އަޅުގަނޑަށް މިދިޔަ ހުކުރުދުވަހު ފެނުނުހުވަފެން ހަދާންވިއެވެ! މިސްކިތުގައި ވިސްނާއި ފިކުރުކޮށްލަން ކުޑައިރުކޮޅަކު އިނދެފައި، ދެން އަޅުގަނޑު ދިޔައީ ވިޒްކޮމްޕެނީ (އަޅުގަނޑިމެން އާއިލީކުންފުނި) ން ހުޅުމާލޭގައި ކުރަމުންދާ މަސައްކަތްތައް ބަލައިލުމަށް އެ ޕުރޮޖެކްޓު ހިންގާ ސައިޓަށެވެ. އެދުވަހު އިސްކޮށް ސައިޓްގައި ހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދުރަޝީދު ހުސައިން (ހަންދު) އެވެ.
ދެންހުރީ ކުޅުދުއްފުށީ އަހްމަދު ކިޔާމީހެކެވެ. އެއީ މަޝްހޫރު ވެލްޑަރެކެވެ. ހަންދުމެންނަށް ވެސް މާލޭގެ ޚަބަރުތައްވަނީ ލިބިފައެވެ. ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން، ދެފަހަރެއްގެ މަތިން ނަސީމްބެއާ ފޯނުން ގުޅުނެވެ. މިހާރު މިހުރީހުޅުމާލޭގައި ކަމަށް ދެންނެވީމެވެ. މާލޭގެ ޚަބަރުތައް ނަސީމްބެ އާއި އަލިބެގެ ފަރާތުން ބަރާބަރަށް ލިބެމުން ދިޔައެވެ. ފޯނުން ބަރާބަރަށް މިޚަބަރުތައް ދަނީ، އަޅުގަނޑަށް ލިބެމުންނެވެ. ވާނުވާ އެނގެމުންދެއެވެ.
އާދެ! ސަހަރާތެރެއަށް ޔުނީފޯމްއެޅި ސިފައިންނަށް ނުވަދެވުނު ހިސާބުން އެމީހުންގެ ހަރަކާތެއް ނުފެނެއެވެ. މުޅިންހެން ފުލުހުން ގެއްލިއްޖެއެވެ. އެހެނަސް އެމީހުންގެ މަރުކަޒުތަކުގައި ތިބެގެން ދިޔައީ އަތުވެދާނެ ކުރިމަތިލުމަކަށް ތައްޔާރުވަމުންނެވެ. ރަށުތެރެއިންނާއި ސަހަރާތެރެއިން ގިނައިން ފެންނަމުން ދިޔައީ އާދައިގެ ހެދުމުގައި ތިއްބަވާ ސިފައިންނެވެ.
ޟިޔާ ޢައްބާސް ލީޑްކޮށްދެމުން ގެންދިޔަ ޕާޓޭންގެ ގްރޫޕް މާލެތެރޭގެ އެކިދިމާތަކަށް ގްރޫޕްހަދައިގެން ދުއްވާހަދާއި ބައެއްތަންތަނަށް ހަމަލާދީ ރަށުތެރޭގައި ފުޅާދާއިރާއެއްގައި ހަމަނުޖެހުން ހިންގަމުން ގެންދިޔައެވެ. އެމީހުންނާއެކު އާންމުންގެ ތެރެއިން ރުޅިގަދަވެފައި ތިބިބަޔަކު މިހަމަނުޖެހުން ތަކުގައި ބައިވެރިވަމުން ދިޔައެވެ. ހަވީރު، 5:30 އެހާކަންހާއިރުން ފެށިގެން، މިކަންތައް ދިޔައީ ބޮޑުވަމުންނެވެ. ފުޅާވަމުންނެވެ.

މާލޭގެމަގުމައްޗަށް މީހުންނުކުމެ ހިންގިޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހާ ހެދިއެވެ. މާފަންނު ވިލީފުލުސް ރޯކޮށްލިއެވެ. ހެންވޭރު ވިލީފުލުސް ރޯކޮށްލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓްރޯކޮށް ލިއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް، (އަމީރުއަހްމަދު މަގު) ރޯކޮށްލިއެވެ. އަދި ރައްޔިތުން މަޖިލިސްކުރާގޭގެ ތެރެއަށްވަދެ ގޮނޑިތަކުގައި އިށީދެހަދާއި އެތަނަށް ގެއްލުންދޭން މަސައްކަތް ކުރިއެވެ. މާލެތެރޭގައި މިފަދަ ފަސާދަތައް ހިންގީޕާޓޭންގެ ގްރޫޕަކުންނެވެ.
އެކަންކަމުގައި އެއްވެސް ސިޔާސީ ފަރާތަކުން ބައިވެރިއެއް ނުވިއެވެ. އަދި އެހާދިސާގެ އެއްވެސް ކަމެއްގައި އުޅެފައެއް ނެތެވެ. މިކަންތައް ރޭވިބައެއްގެ ޕްލޭންގައި އޮންނާނީ، އަޅުގަނޑުމެން ކަހަލަ އެދުވަސްވަރު ނަގާކިޔަން ތިބި ސިޔާސީ ލީޑަރުންތައް މިހަރަކާތުގައި ބައިވެރި ކުރުވައި ރަށުތެރޭގައި ވަރަށް ގިނަކަންތައް ހިންގުވާށެވެ. އެހެނަސް އާދަމްޒާހިރުގެ މިރޭވުންދިޔައީ ޗޮކުންނެވެ. ސުމަކަށެވެ.
ސިފައިންގެ މަރުކަޒުތަކުގައި ތިބެގެން މިވެރިން ރާފައި އޮތީ މިފަދަކަމެއް ހިންގާއިރަށް ސިޔާސީ ހަރަކާތުގައި އިސްކޮށް ތިބި ހުރިހާ ޒުވާނުން ނުކުމެ މިކަމުގެ ތެރޭގައި އުޅެގަންނާނެކަމަށެވެ. އެހެނަސް އަޅުގަނޑުމެން ތިބީ ދުރުގައެވެ. މިވެރިން ރާވާފައި އޮތީ އެފަދަ ސިޔާސީ މީހުންތައް ހިފާހައްޔަރު ކިރާށެވެ. މިކަން ކުރަން އެވެރިން ތިބީ ރާވައިގެން ތައްޔާރަށެވެ.
އެހެނަސް އިސްލާހީ ހަރަކާތުގެ އެއްވެސް ސިޔާސީ ލީޑަރަކު މިއިންކަމަކާ އެދުވަހު އަޅައެއްނުލިއެވެ. އަންނިމެން، އަޅުގަނޑުމެން ތިބީ ވަރަށް މަޑުންނެވެ. ކުޅިބަލާ މީހުން ގޮތުގައެވެ. ހަމަހިމޭނުގައި ތިބެގެން ކުރެވުނު މަސައްކަތެއް ބޭރާއި އެތެރޭގައި ކުރަމުން ގެންދާށެވެ.
އާދެ! އަޅުގަނޑު އަދިވެސް ހުރީ ހުޅުމާލޭގައި ވިޒްކުންފުނީގެ މަސައްކަތު ސައިޓުގައެވެ. މާލޭގެ މެދުތެރެއިން ކަހަލަ ގޮތަކަށް އިރުއޮއްސުނު ފަހުން، މާލެތެރެއިން މައްޗަށް ދުންއަރާތަން ފެނުނެވެ. ދެތިން ދިމާލަކުން ދުންތައް ބޯކޮށް ފެނުނެވެ. ކުއްލިއަކަށް، މިރޭގެ ހުޅުމާލެ މާލެފެރީ ނޯންނާނެކަމުގެ އަޑު ހުޅުމާލެ ތެރެއިން އިވުމުން، ރޭގަނޑުއަށެއްގެ ފެރީން އަޅުގަނޑުމެން އެރޭ މަސައްކަތް ހުއްޓާލާފައި މާލެ ދިއުމަށް ނިންމައިފީމެވެ.
ހަންދުއާއި ކުޅުދުއްފުށީ އަހްމަދާއި އަޅުގަނޑާއި ބައެއް ބިދޭސީ މަސައްކަތު މީހުން، އަށެއްގެ ފެރީއަށް އަރައި މާލެ އައުމަށް ފުރީއެވެ. އައިފެރީގައި ރޭޑިޔޯ ހުޅުވާފައި ހުރުމުން، ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބުކުރައްވައި ދެއްވި ތަގްރީރު އަކުރުންއަކުރަށް އަޑުއެހީމެވެ.
އޭރު ވެސް މާލޭން ދުންއަރަމުންދާ މަންޒަރު ރީތިކޮށް ފެނެއެވެ. ބޯކޮށްދުންގަނޑު އަރަމުންދާތަން ފެނެއެވެ. 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުރޭ، 8:00 ގެ ފެރީގައި އިންއިރު ރައީސް މައުމޫނު ދިވެހިގައުމާ މުޚާޠަބު ކުރައްވަމުން މިވާހަކަތައް ވިދާޅުވިއަޑު އެހީމެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސްމައުމޫނުގައުމާ މުޚާޠަބު ކުރެއްވުން:
“މާފުށީ ޖަލުގައި ހިނގި ޙާދިޘާތަކާއި ގުޅިގެން މިހާރުމާލޭގެ ހާލަތުވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައްޖެ. ވަރަށްގިނަ މީހުން މަގުމައްޗަށް ނުކުމެއެކި ދިމަދިމާއަށް އެއްވެ އެކިއެކި އިމާރާތަކަށް ގާއުކާއި އެނޫންވެސް ގެއްލުންތައް ދެމުންއެބަ ގެންދޭ. އޭގެ ސަބަބުން ވަރަށް ގިނަބަޔަކަށް ހާނީއްކަ ލިބެމުންވެސް އެބަދޭ.
އަޅުގަނޑަކީ ދިވެހިރާއްޖޭގެ ރައްޔިތުން، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާ، އަދި ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު ރައްކާތެރި ކުރުމަށްޓަކައި އިންތިޚާބު ކުރައްވާފައިވާ މީހާ. އެހެންވީމާ އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި އަދި ވަފާތެރި ރައްޔިތުންގެ އަރިހުން މިއެދެނީ ހުރިހާބޭފުޅުން ވެސް ހަމަޖެހި ވަޑައިގެން ގޭގެއަށް ވަޑައިގެން އަދި އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ފުރުޞަތު ދެއްވުން.
މިކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާއި ކުށްވެރިވާ ބަޔަކުހޯދާއި އެބަޔަކާދޭތެރޭގައި ގާނޫނީފިޔަވަޅު އަޅައި، އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ފުރުޞަތު ދެއްވުން. ހިނގާދިޔަ ޙާދިޘާތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަންޏާ، ވަރަށް ހިތާމަވެރި ދެޙާދިޘާވަނީ ހިނގާފައި. އެދެޙާދިޘާމެ ހިނގީވަކިވަކިން. އޭގެތެރެއިން އެއް ޙާދިޘާއަކީ، ރޭގައި ޖަލުގައި ހިނގި ޙާދިޘާއެއް.
އާދެ! ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން، މީހަކު ވަނީ މަރުވެފައި. ދެވަނަ ޙާދިޘާއަކީ، މިއަދު ހިނގާދިޔަ ޙާދިޘާއެއް. އާދެ! އެކިއެކި ގޮޅިތަކުގައި ބަންދުކޮށްފައިތިބި ކުށްވެރިންނުކުމެ ގޮޅިތައްތަޅާލައި ނުކުމެ، އެތާނގައިތިބި ގާޑުންނަށް ހަމަލާދީ، އަދި އެންމެފަހުން ބަޑިގުދަނާދިމާއަށް އައިސް ބަޑިގުދަނަށް ހަމަލާދީ މިކަންތައްތައް ހިންގީ. އެހެންކަމުން ސަރުކާރަށް ޖެހުނީ، އެވަގުތު ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖްބޫރުން އަޅަން.
އާދެ! އެތާނގައިތިބި ސިފައިންގެމީހުން، ބަޑިގުދަން ރައްކާތެރި ކުރަންތިބި ސިފައިންގެ މީހުން، ފުރަތަމަ އެމީހުންނަށް ނަޞޭޙަތްދީ އިންޒާރުކޮށް އެމީހުން ފަހަތަށް ނުދިއުމުން ވަޔަށް ބަޑިޖަހާއި ވަޔަށް، ޖައްވުގެ ތެރެއަށް ފަޒާގެތެރެއަށް ބަޑިޖަހައި އެވަރުންވެސް ކޮންޓްރޯލް ނުވެގެން އެންމެ ފަހުން ޖެހުނީ، ބައެއް މީހުންގަޔަށް އުންޑައަރާގޮތަށް ހަތިޔާރުގެ ބޭނުންކުރަން. މިއީވެސް އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރާކަމެއް. މިކަހަލަކަމެއް ވުމަކީ، އެއްގޮތަކަށް ވެސް އަޅުގަނޑު އެދޭ ކަމެއްނޫން.
އަދި ދިވެހިރައްޔިތުންގެ ތެރެއިންވެސް ބޭފުޅަކު އެދިވަޑައި ގަންނަވާނެ ކަމެއްނޫން. ދަންނަވާލަން ބޭނުންވަނީ، މިއަދު މިހިނގި ޙާދިޘާގެ ސަބަބުން އެކިއެކިއަނިޔާ ލިބުނު މީހުން، މިހާރު އެމީހުންނަށް ވަނީ، ފަރުވާދޭން ފަށާފައޭ. އޭގެތެރެއިން ހަތަރު މީހަކުގެ ޙާލަތު ތަންކޮޅެއް ނުރައްކާ ކަމަށް ޑޮކްޓަރުންނަށް ފެނިވަޑައި ގަންނަވާތީ އެމީހުން މިހާރު ވަނީ، މާލެ ގެނެވިފައި. ވަރަށް އަވަހަށް ހޮސްޕިޓަލުން އެމީހުންނަށް ފަރުވާދެވެން ފެށޭނެ.”
ދެން މާލެ އައިސް ފެރީލަފާތަނަށް ކައިރިކުރިއިރު، އެދިމާލު މަގުމަތީގައި ބައިވަރު ސިފައިން ފުލްކިޓްގައި ތިއްބެވެ. އަދި އާމަޑްކާރެއް ބީޗުރޯޑުގައި ދެކޮޅަށް ދުއްވަމުން، އަޑުގަދަކުރާއިން މިދިމާ ހުސްކުރުމަށް ގޮވަމުން މަޑުމަޑުން ދުއްވާހަދައެވެ. ކަމާނުބެހޭ މީހުންދުރަށް ދިއުމަށް އަޑުގަދަކުރާއިން ގޮވަމުން ގެންދެއެވެ. ދެން ދޯނިންފައިބައިގެން އަޅުގަނޑު ދިޔައީ ހިނގާފައެވެ. ހަންދު އާއި ވިޒްކުންފުނީގެ މަސައްކަތު މީހުން، އަމީރުއަހްމަދު މަގުގައި މަޑުކޮށްފައި އޮތް ވިޒްކޯ ލޯރީގައި އެމީހުންވެސް ގެއަށް ހިނގައްޖެއެވެ.
އަޅުގަނޑު ހިނގާފައި ދިޔައީ ތޮށިގަނޑުމަތީން ހުޅަގަށެވެ. ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީން ބޭންކް އޮފް މޯލްޑިވްސް ކުރިމަތިންނެވެ. ކޯސްޓަގާޑް ބިލްޑިންގް ކައިރީގައި މަދުބަޔަކު ދުރަށް ނުގޮސްތިއްބެވެ. އޭރު ހުރީ ބައެއް ބިއްލޫރިތައް ތަޅާލާފައެވެ. މުޅިމަގުގައި ތިބީ ސިފައިންނެވެ. ތައްޔާރީ ހާލަތުގައެވެ.
ދެދިމާއަކުން އަޅުގަނޑު ހުއްޓުވާފައި ސުވާލުކުރުމުން، މިއައިސް ފޭބީ ހުޅުމާލޭންކަމާއި މިދަނީހިނގާލާފައި ގެއާދިމާއަށޭ ބުނުމުން ދޫކޮށްލައެވެ. އެޓޮލްސްއިން ނެއްޓި ސިފައިންގެ އާބިލްޑިންގު ކުރިމަތިން ތިންނަން ބަރު ފާލަމާ ދިމާއިން ތޮށިގަނޑުމަތިން ސިފައިންގޭގައި އުޅުއްވާ އިސް އޮފިސަރެއް ކަމުގައިވާ، ހުސައިން ޝާކިރު އާ ދިމާވިއެވެ. އަދި ތިޔަދަނީ ކޮންތާކަށްތޯ އަޅުގަނޑު ކުރެން ސުވާލު ކުރެއްވުމުން، މިދަނީގެއަށޭ މިއައީ ހުޅުމާލޭންނޭ ދެންނެވުމުން އަވަހަށްދާށޭ ވިދާޅުވިއެވެ.
ދެންހިނގާފައި ބޮޑުފާލަން ކުރިމަތިންގޮސް ޗާނދަނީމަގަށް އަޅާއި ދެން އޯކިޑްމަގަށް އަޅައިގެން ދިޔައީގެއަށެވެ. ޖަވާހިރުވާދީ އަށެވެ. ރިޔާސީ ގަނޑުވަރާ ދިމާލުން މަގުމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންނައި ދިމާވުމުން، އެބޭފުޅުންނާ ބައްދަލުކޮށް ސަލާމްކުރީމެވެ. ދެންވެސް އޯކިޑްމަގުން ހުޅަގަށް ހިނގާފައިގޮސް، ޖަވާހިރުވާދީއަށް އައިސް ވަނީއެވެ. ދެން އޭގެފަހުން މާލެތެރެއަށް ނުނިކުންނަމެވެ. ގެއަށްވަދެ ބީބީސީބަލަން ގޭގައި އިނީއެވެ. އަދި ދޭތެރެދޭތެރެއިން ޓީވީއެމް ވެސް ބަލަމުން ގެންދަމެވެ.
ނިދަންވަންދެން އިނީގޭގައެވެ. ހެދުނު ހޭލައިގެން، 7:00 ގައި އޮފީހަށް ދިއުމަށްނޫނީ ގެއިން ނުނިކުންނަމެވެ. ރޭމުޅިމާލެއޮތީ ސިފައިންގެ ކޮންޓްރޯލް ދަށުގައެވެ. ޚަބަރުތަކުންނާއި މީހުންގެ ފޯނުކޯލްތަކުން ލިބުނު މަޢުލޫމާތުތަކަށް ނަޒަރުކޮށް މާލެތެރޭގައި ޕާޓޭގުރޫޕުންނާއި ރައްޔިތުންގެ ތެރެއިން ބައެއްމީހުން ވެގެން ގެއްލުންދީފައިވާ ތަންތަން ކަމުގައި އަޅުގަނޑަށް ނޯޓުކުރެވުނީ މިތަންނަނެވެ.
= ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް (އަލިފާން ރޯކޮށްލާފައި)
= ކޯސްޓްގާޑް ބިލްޑިންގް (ބިއްލޫރިތައް ތަޅާލާފައި)
= ކޯސްޓަގާޑް ބިލްޑިންގް ކުރިމަތީގައި ހުރި ބައެއްސައިކަލްތައް ރޯކޮށްލާފައި. ބިލްޑިންގުގެ ބައެއްބިއްލޫރިތައް ތަޅާލާފައި.
= ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މައިދޮރަށް ހަމަލާދީ ނޯޓިސްބޯޑުގެ ބިއްލޫރިގަނޑި ތަޅާލާފައި.
= އައިޖީއެމް ހޮސްޕިޓަލަށް ގެއްލުން ދީފައިހުއްޓެވެ.
= 3 ވިލީފުލުސް އޮފީހެއް ރޯކޮށްލާފައިވެއެވެ.
= ސިފައިންގެ ޖީޕަކަށް ހަމަލާދީ ބަންޑުންޖަހާލާފައި ވެއެވެ. އަދި ސިފައިންގެ ލޯރިއަކަށް ވެސް ހަމަލާދީފައިވެއެވެ.
= ރައްޔިތުންމަޖިލިސް ކުރާގެއަށް މީހުންތައް ވަދެ ގޮނޑިތައް އުކާލާހަދާފައިވެއެވެ.
= ދަރުބާރުގެއަށް މީހުންތައް ވަދެގެންފައި ވެއެވެ. މިކަންތައްތައް މަތަކޮށް އޮބެހެއްޓުމަށް ކަރުނަގޭސް ސިފައިން ބޭނުންކޮށް ފައިވެއެވެ.
އާދެ! މިހުރިހާ ޚަބަރުތަކެއް އޮޅުންފިލުވުމަށް ފަހު، ނިދަން އެނދަށްއެރީ ވަރަށް ދަންކޮށްފައެވެ. ފަތިހުހޭލައިގެން، މާދަމާ އެޓޮލްސްއަށް، ވަޒީފާއަށް ނުކުތުމަށެވެ.
21 ސެޕްޓެމްބަރ 2003މ. 24 ރަޖަބް 1424ހ، ވީއާދީއްތަ ދުވަސް، އާދައިގެމަތިން ފަތިސްނަމާދަށް ފަހު، ފެންވަރާއި ހެނދުނު ނާޝްތާކޮށްގެން، 7:00 ށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ދިޔައިމެވެ. ހެނދުނު، 9 ޖެހިފަހުން މެންދުރުކުރިން، ޟިޔާ ޢައްބާސް އާއި ބޮޑުފަލާޙް އާއި އިތުރު، 12 ވަރަކަށް ކުދިން، އެޓޮލްސް ކުރިމަތިން ދޫނިދޫއަށް ގެންދިޔަތަން ފެނުނެވެ. މިއީ ސަރުކާރުގެ މަދަދާއި އެހީގައި އުޅުނު ޕާޓޭންނެވެ.
މިއެންމެން ވެސް ތިބީ ބިޑިއަޅުވާފައެވެ. މިއެންމެން އަރުވައިގެން ގެންދިޔައީ ސިފައިން ގެންގުޅޭ ކުޑަވަރެއްގެ ކޮޅުވެއްޓީގައެވެ. މީގެތެރޭގައި ގިނައި ޟިޔާ ޢައްބާސް އާއެކު އުޅުނު ޕާޓޭންނެވެ. ޕާޓޭންތައް ތިބެނީ ކޮންމެވެސް ސިޔާސީ ރޭވުމެއްގެ ދަށުން، ޖަލުންނެރެ ދޫކޮށްލާފައެވެ. މާލެތެރޭގައި ނުބައެއް ހައްދަންބޭނުންވާ ކޮންމެ ފަހަރަކު ޖަލުގެ ކުށްވެރިންތައް ނެރެރަށު ތެރެއަށް ދޫކޮށްލައެވެ. މިއީ އާދަމްޒާހިރު އިސްވެ ހުންނަވައިގެން ހިންގަވާ ނޭތްގާނީ ކަންތަކެވެ. ސަރުކާރުގެ ބާރުގައި ހިންގާ ފަސާދައެވެ.

މިއީ އާދަވެގެން ދައުލަތުގެ ފަރާތުން ސިފައިން ކުރާކަމެކެވެ. އާދަމްޒާހިރުގެ ބެލުމުގެދަށުން ރާވާކަމެކެވެ. މިގުރޫޕްގައި ޟިޔާ އާއި ފަލާޙުގެ އިތުރުން ހިމެނެނީ، މ.އެރޯވިލާ އަބްދު ﷲ އެލެގްޒެންޑާ އާއި ސ.ހުޅުދޫ ވެލްކަމްވިލާ އަބްދު ﷲ ޝަބީރާއި މ.ހަތިކަނޑު އަހްމަދު މޫސާ އާއި ގއ.ކަނޑުހުޅުދޫ ވިދާތަރި އިކްލީލް އިބްރާހީމާއި މިކަހަލަ ޒުވާން ގުރޫޕެކެވެ.
މިޙާދިޘާގައި އަޅުގަނޑު ޖަލަށް ގެންދިއުން:
މިއަދު އޮފީސް ނިންމާލާފައި އޮފީހުން ގެއަށްދާން ނުކުމެ މެންދުރުފަހު، 2:30 އެހާކަންހާއިރު އޮފީސްބޭރުގައި ހުއްޓާ، ސިފައިންގެ ބޭކަލަކު ދުރުވެ، އެތާންގައިހުރި އެޓޮލްސްގެ އަންހެން މުވައްފެއް ކައިރީގައި އިލްޔާސް އުޅުއްވާހޭ، އެއްސެވިއިރު އަޅުގަނޑަށް ހުރެވުނީ އެމީހުންނާ ވަރަށް ކައިރީގައެވެ. މިއީ އިލްޔާސްކަމަށް އަމިއްލައަށް ސިފައިންގެ މީހާއާތަޢާރުފް ވުމުން، ދެން އޭނާވިދާޅުވީ އަވަހަށް ހަމަ މިހާރު ސިފައިންގެއަށް ދާންވީ ކަމަށެވެ.
ދެން އަވަހަށް މަންމައާގުޅާފައި އޮފީހުގައިހުއްޓައި ސިފައިން ބަލާއައުމުން މިދަނީ ސިފައިންގެއަށް ކަމަށްބުނެ، އެއްގޮތަކަށް ވެސް ހިތާމަނުކުރުމަށާއި ދެރަނުވުމަށާއި ހިތްވަރުކުރުމަށް މަންމައަށް ނަޞޭޙަތްތެރި ވެފައި އޭނައާއެކު ސިފައިންގެއަށް ގޮސްވަނީއެވެ. އޮފީހަށް ދިޔަހެދުމުގައެވެ. ސިފައިންގެ ތެރެއަށް ވަދެވުނީ މެންދުރުފަހު، 3 ޖަހަން އުޅެނިކޮށެވެ. ތިރީގައި އިރުގަނޑަކު ބޭންދުމަށް ފަހު، މައްޗަށް އެރުވައި ގެންގޮސްވެއްދީ ތަހްގީގުކުރުމަށް ހަދާފައިހުންނަ ކުޑަކުޑަކޮޓަރި އެއްކަހަލަ ތަނަކަށެވެ.
މީގެދެތިން ހަތަރުތަން ފެންނަން ހުއްޓެވެ. އެތާނގެތެރޭގައި މާގިނައިރެއް ނުވަނީސް ފޮތަކާއި ގަލަމެއް ހިފައިގެން އައިސް ވަނީ، މއ.ނައިބު މުހަންމަދު ހަލީމާއި އަދިވެސް އެހެން އާދައިގެ ސިފައިންގެ މީހެކެވެ. ޙަލީމަކީ ތަހްގީގުކުރުމުގައި އުޅުއްވާ މަތީފެންވަރުގެ އޮފިސަރެކެވެ. މިދިޔަފަހަރު ވެސް މީނާއާވަނީ ދިމާވެފައެވެ. ތަހްގީގުކޮޓަރި ހުންނަނީ ފުރަތަމަބުރީގައެވެ. މިބިލްޑިންގަކީ ޝަހީދު ޙުސައިންއާދަމް ބިލްޑިންގެވެ. ސިޑިހުންނަނީ ބިލްޑިންގުގެ މެދެއްހާ ހިސާބުގައެވެ.
ގުރައުންޑްފުލޯގެ ދަށަށްހުންނަނީ ޖަލުބައެވެ. އެއީ ބިންގަރާހެކެވެ. މިއީ ބިމުގެއަޑީގައި ހަދާފައި ހުންނައަނިޔާވެރި ބިރުވެރި ބައެކެވެ. ބިންގަރާހުގެ މިބުރީގައި އެކިވަރުވަރުގެ ގޮޅިތަކާއި ކުޑަގުދަނެއް ހުރެއެވެ. މިއީ އަނިޔާކުރުމަށް ހަދާފައި ހުރި ބިމުއަޑީގެ ޖަލެކެވެ. ދިހަވަރަކަށް ގޮޅި ހުންނާނެހެން ހީވެއެވެ.
ޙަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، މިގެނެވުނީ އިލްޔާސާ ގުޅޭގޮތުން މިތަނަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެރިޕޯޓުގައި ވަނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހު (އިއްޔެ) މަގުމައްޗަށް މީހުންނުކުމެ މާލެތެރޭގައި ހިނގާދިޔަ ޣައިރުޤާނޫނީ ޢަމަލުތަކާއި ހަމަނުޖެހުން ތަކުގައި ސަރުކާރުގެ އިމާރާތްތަކާއި އެކިއެއްޗިއްސަށް ގެއްލުންދީ ހަލާކުކޮށް ހުޅުޖާހެދުމުގެ ކަންތައްތަކުގައި، ސިޔާސީމީހެއްގެ ގޮތުން އިލްޔާސް އިސްކޮށް އުޅުއްވާފައިވާ ކަމަށް ޚަބަރުލިބިފައި ވާތީއެވެ.
އަދި ސޯސަންމަގުން ގްރޫޕަކާއެކު އިލްޔާސް އިސްކޮށް ހުރެގެންގޮސް ސަރުކާރު މުވައްޒަފުންގެ ނާދީއަށް ވަދެ އެތަނުން ނުކުތްތަން ފެނިފައި ވާތީއެވެ. މިކަމާ، އިލްޔާސް ބުނުއްވަނީ ކީކޭތޯއެވެ؟ އަޅުގަނޑު ހޮނިހިރު ދުވަހު ކަންތައް ކުރިގޮތާއި އަޅުގަނޑު އެދުވަހު ދިޔަތަންތަނާއި އުޅުނުގޮތް ހަލީމަށް ކިޔައިދިނުމުން، ކުރުބަޔާނެއްނަގައި އިނގިލީގެ ނިޝާން ޖައްސުވާފައި ބުނީ، މަޑުކޮށްލުމަށެވެ. ދެން ގްރައުންޑް ފުލޯއަށް ތިރިއަށް ގެނެސް ކައުންޓަރުތައް ކުރިމަތީގައި ހުރި ގޮނޑިބަރީގައި ބައިންދާފައި، ހަލީމް އެރުއްވީ މައްޗަށެވެ. އަޅުގަނޑު ލައްވާސޮއިކުރުވި މިބަޔާނުގައި ލިޔެފައި އޮތީ މިޢިބާރާތްތަކެވެ.
“20 ސެޕްޓެމްބަރ 2003 ދުވަހަކީ ހޮނިހިރު ދުވަހަކަށް ވެފައި ބަންދު ދުވަހަކަށް ވާތީ، ހެނދުނުގެ ނާޝްތާއަށް ފަހު، ނިދާލާފައި ހޭލެވުނީ، 12 ޖަހާއެހާކަން ހާއިރެވެ. ދެން މެންދުރުނަމާދު ކޮށްލައިގެން، ކެއުމަށްފަހު ގަސްދުކުރީ އޮފީހަށް އެޓޮލްސްއަށް ވަދެލާފައި ކުރަންހުރި ކަންތައްކޮށްފައި ހަވީރުވީމާ، 4 ގެފެރީން ހުޅުމާލެއަށް ދާށެވެ. އެގޮތަށްވިސްނީ ހުޅުމާލޭގައި އަޅުގަނޑު މެންގެ ކުންފުނި ކަމުގަިއވާ ދަވިޒްކޯއިިން ބޮޑުމަޝްރޫޢެއް ހިންގާތީ، އެސައިޓް ބަލާލުމަށެވެ.
އެހެނަސް ގެއިންނުކުތް ތަނާހެން ކުއްޅަވަށް ގޭގައިހުންނަ ޓުވިންޕީކްސް ކައިރިން ދެތިންއަންހެން ކުދިންނާދިމާވެގެން، ޖަލުގައި ސިފައިން މަރާލިކުއްޖާ ސަހަރާގައި މޫނުދެއްކުމަށް ބާއްވާފައި އެބައޮތްކަމަށް ބުންޏެވެ. އަދި ދޭއްގެ ޚަބަރުގައި ރޭޑިޔޯއިންނާއި ޓީވީން މިވާހަކަތައް ކިޔާނޭ އެކުދިން ބުންޏެވެ. ދެން އަނބުރާލާފައި ގޮސްގެއަށްވަދެ ޚަބަރުބަލާއި އަޑުއެހީއެވެ.
(ސިފައިންނަށް ސިލްވަރސީން އަލިބެކައިރިއަށް ޚަބަރުބަލަން ވަތްވާހަކަ ކިޔައެއް ނުދެމެވެ. އަދި އަލިބެދިރިއުޅޭ ހައިވަކަރުގެއިން ސަހަރާއަށް ދިޔައީ ފިލްމުކުޅޭ މަޝްހޫރު ޔޫސޭ ފޮނުވި ކުއްޖެއްގެ ސައިކަލުގެ ފަހަތުގައި ކަންވެސް ސިފައިންނަށް ކިޔައިނުދީ ހިފޭއްޓީ، ތަހުގީގު އެތައްބަޔަކަށް ފުޅާވެ ދިގުދެމިގެން ދާނެތީއެވެ.)
ރާއްޖެޓީވީ އާއި ރޭޑިޔޯ ޚަބަރުގައި މާފުށީ ޖަލުގައި އިއްޔަރޭފަތިހު ހިނގާދިޔަ ޙާދިޘާއެއްގައި ސިފައިނާއި ކުށްވެރިންނާ ދެމެދު ހިނގިކަންތަކެއްގައި އީވާން ނަސީމް ކިޔާކުއްޖަކު މަރުވެއްޖެކަމާއި އެ ޙާދިޘާ ތަހުގީގުކޮށް ބެލުމަށް ސަރުކާރުން ނިންމަވާއި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި ކަމަށްކިއެވެ.
އެކޮމިޝަނުގައި ތިއްބަވާނީ، އަބްދުއްސައްތާރު މޫސާދީދީ، ޔުނިސެފްގައި އުޅުއްވު އައްޑޫ ޢައިޝާ، ސީޕްރިޔާ ސަޢީދު، ޝާހީންޙަމީދު، އަދި ޑޮކްޓަރ ޞާލިޙް ކަމަށް ހަމަޖައްސަވައި ފިކަމަށެވެ. މިޚަބަރުތައް އެހުމަށްފަހު، އީވާނަކީ ކޮންކުއްޖެއްތޯ އޮޅުންފިލުވާ ލުމުންއެއީ އަޅުގަނޑުމެން ޢާއިލާއާގާތް ގުޅުމެއްއޮންނަ މާގަސްދޮށުގޭގައި ހުންނެވި، ނަސީމްގެ ދަރިއެއްކަން އޮޅުންފިލައި ފިއެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަރިހުގައި ކޮނޑޭވޯކްޝޮޕްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އަޅުގަނޑުމެންގޭގެ ބޮޑުފިހާރާގައި ބައްޕަބުނުއްވާ ކަންތައްކޮށް ދިނުމަށް އުޅުއްވި ބޭފުޅެކެވެ.
އަދި މީނާއަކީ ވަރަށް ގިނަގިނައިން ޖަވާހިރުވާދީއަށް އެދުވަސްވަރު އައިސްގޮސްވެ އުޅުއްވި ބޭފުޅެކެވެ. އެހެންވުމާއެކު އަޅުގަނޑު އަވަސްވެގަތީ ނަސީމުގެ ދަރިފުޅު، އީވާން ނަސީމުގެ މޫނުދުށުމަށް ސަހަރާއަށް ދިއުމަށެވެ. އެސުންނަތް ފުރިހަމަ ކުރުމަށެވެ. ސަހަރާއަށް ވަދެވުނު އިރު ޢަޞުރުނަމާދަށް ބަންގިގޮވުން ވަނީ، ވަރަށްކައިރި ވެފައެވެ. އަލިބެ ގެއަށާއި ސަހަރާއަށް ދިޔައީ ހިންގާފައެވެ.
(ސިފައިންނަށް ފޯނުކުރި ވާހަކަ އާއި އަންނިއާ ބައްދަލުވި ވާހަކަ އާއި ޔޫސޭގެ ގްރޫޕްގެ ވާހަކަތައް ތަހުގީގު ދިގުވެދާނެތީ ކިޔައެއް ނުދެމެވެ.
އަދި ސަހަރާއަށް ދިޔައީ، ޔޫސޭފޮނުވި މީހެއްގެފަހަތުގައި ސައިކަލުގައިކަން ބޭއްވީ ސިއްރުކޮށްފައެވެ.)
ސަހަރާއަށް ވަދެވުނުއިރު ގާތްގަޑަކަށް ހަވީރު، 3 ޖަހާފާނެއެވެ. ސަހަރާއަށް ވަދެ، ވުޟޫއުކޮށްލައިގެން ޢަޞުރުނަމާދަށް ތައްޔާރުވީއެވެ. އަދި ނަމާދަށް އިރުކޮޅެއް އޮތުމުން، ހިނަވާގެއަށް ވަދެ، އީވާން ނަސީމްގެ މޫނުދުށީއެވެ.
އިވާން ވަށައިގެން އެނބުރުނީމެވެ. އަތްލައިހެދީމެވެ. ފޮތިގަނޑާ ކުޅުނީމެވެ. އެހެނަސް ފޮތިގަނޑުނެގީ އަޅުގަނޑެއް ނޫނެވެ. އެކި މީހުން އަތްލާހަދަމުން ގެންދާތީ ހުރިހާދިމާއަކުން ފޮތިގަނޑު މައްޗަށް އަރަމުންގޮސް ފޫޅާއިކަކުލާ ދެމެދުގައި ފޮތިގަނޑު ގުޅައަކަށް އޮއްވާ އަޅުގަނޑު ވެސް ދުށީ އެގޮތަށެވެ. ވަރަށްގިނަ މީހުން ފޮޓޯނަގާއި މޫވީކުރަމުން ގެންދާތަން ދުށީމެވެ. ދެން އެއަށް ފަހު، ޖަމާޢަތުގައި ޢަޞުރުނަމާދު ކުރީމެވެ. އަދި ސަހަރާގައި، 4:45 ނުވަތަ، 5 ޖަހަންދެން މަޑުކުރީމެވެ.
ސަހަރާތެރެއިން ދިމާވި މީހުންނަކީ، އަބްދުއްސައްތާރު މޫސާދީދީ، ޝަހީން ޙަމީދު، އައްޑޫ ޢައިޝާ، ސީޕްރިޔާސަޢީދު، ޝައިޚް ހަސަން ޔޫސުފް، ޝައިޚް އަހްމަދު ފާރޫޤް މުހަންމަދު، މިނިސްޓަރ އަބްދުއްރަޝީދު ހުސައިން އާއި މިފަދަ ސަރުކާރުގެ އިސްބޭފުޅުންނާއެވެ.
(އެހެންކޮން ބައަކާތޯ ބައްދަލު ކުރީ އެހުމުން ވެސް އިތުރުބަޔަކާ ބައްދަލު ނުކުރާ ކަމަށް ބުނީ، ތަހްގީގު ކުރުކުރާށެވެ. އެބޭނުމުގައެވެ. މިއީ އަޅުގަނޑުގެ ބައިވެރި ވުމެއްވާ ކަމަކަށް ނުވާތީއެވެ. ޔޫސޭ އާއި އަންނިގެ ބައިތައް ވެސް އެހެންވެ ސިއްރުކޮށް، މުޅިން ދޫކޮށްލީއެވެ.)
ދެން ސަހަރާއިން ނުކުމެގެން ހިނގާފާއައިސްވަނީ، ސިލްވަރސީން އަލިބެ ދިރިއުޅުއްވާގެ ކަމުގައިވާ މއ.ހައިވަކަރުގެ އަށެވެ. ހަވީރުސައި ބޮއިހެދީ އަލިބެއާއެކު އެގެއިންނެވެ. ސައިބޮއި ނިމިގެން، ސިލްވަރސީން އަޖްވަދު ވަހީދު، އަޖޫގެ ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލެ ފެރީޓާމިނަލަށެވެ. އަވަހަށް ހުޅުމާލެއަށް ދިއުމަށެވެ.
އެހިސާބަށް ދެވުނުއިރު، 6 ގެފެރީ ވާތައްމޮހެލައި ނައްޓާލަނީއެވެ. ދެންއަތުންނާއި ހަޅޭލަވާގިވައިގެން އެމީހުން ދޯނީގެކެޕްޓަން ކައިރިކުރީ ފެރީގެފަހަތުކޮޅު ތޮށިގަނޑާއެވެ. މެރިންޑްރައިވާ ދިމާލުންނެވެ. ފާލަމަކަށް ނޫނެވެ. ދެން ތޮށިގަނޑުމަތިން ފެރީއަށް ފުންމާލައިގެން އެރީއެވެ. މިކަންމިގޮތަށްކުރީ ވީހާއަވަހަށް ހުޅުމާލެއަށް ދިއުމުގެ ބޭނުމުގައެވެ. މިފެރީއަށް ނޭރިއްޖެނަމަ ލަސްވާނެތީއެވެ. މާލޭ ގައި ގިނަ ވަގުތު ހުންނަން ޖެހޭނެތީ އަވަސް ކުރީއެވެ.
އެދުވަސްވަރު މިގޮތަށް ފެރީއަށް އަރުވައިދީ ހަދައެވެ. ދެން ހުޅުމާލެއަށް ދެވުމުން، ހުޅުމާލޭގައި ހުންނަ މިސްކިތަށް އަރައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ޤަޞްރަށް، ދެނަމާދު ކޮށްނިމިގެން ދިޔައީ ވިޒްކޮމްޕެނީގެ މަސައްކަތު ސައިޓަށެވެ.
(ސިއްކަގޭ ނަސީމްބެއާ ފޯނުންގުޅާހެދި ވާހަކަތައް ސިފައިންނަށް ކިޔައިނުދީ ސިއްރުކުރީއެވެ.)
މިސައިޓުގައި އިސްކޮށް ހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދު ރަޝީދު ހުސައިން (ހަންދު) އެވެ. މިސްކިތުން ސައިޓަށް ދިޔައީ ހަންދުގެ ޕިކްއަޕްގައެވެ. އަޅުގަނޑު ނަމާދުކޮށް ނިމިގެން ހަންދުއާ ގުޅީމާ އޭނާ ބަލާ އައީއެވެ.
ސައިޓުން ފެރީއާހަމައަށް، މާލެއައުމަށް އައީވެސް ހަންދުމެންގެ ކުންފުނީގެ ޕިކްއަޕްގައި އެމީހުންނާ އެކުގައެވެ. ވިޒްކުންފުނީގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިސަރުދާރެއް ކަމުގައިވާ ކުޅުދުއްފުށީ އަހްމަދު ވެސް އަޅުގަނޑު މެންނާއެކުއައެވެ.
މާލެއައީ މިއެންމެން އެކުގައި ރޭގަނޑު އަށެއްގެ ފެރީންނެވެ. މާލެއައި މަގުމަތީގައި ފެރީގެކެޕްޓަން ލައްވައި ރައީސް މައުމޫނުގެ ޚިޠާބެއް އަށެއްޖަހާއިރު އޮންނަކަން އެނގިފައި ވާތީ، ފެރީގެރޭޑިޔޯ އޭނާ ޓުއިންކޮށްދިނީމާ ރައީސް މައުމޫނު، ދިވެހިރައްޔިތުންނާ މުޚާޠަބުކުރެއްވި ޚީޠާބުގެއަޑު ފެރީގައި ހުރެގެން އެއްކޮށް އެހީމެވެ.
މިކަން ފެރީދުއްވަން ހުންނެވި ކެޕްޓަނަށް ހަނދާންހުރިއްޔާ އެނގޭނެއެވެ. އަދި ކުޅުދުއްފުށީ އަހްމަދާއި ހަންދުއަށް ވެސް އެނގޭނެއެވެ. މާލެއިން އަރަމުންދިޔަ ކަޅުދުންތައް ފެރީގައިތިބިއިރު އަޅުގަނޑުމެންނަށް ފެނުނެވެ. މިވާހަކަތައް ފެރީތެރޭގައި އެކަކުއަނެކަކަށް ދައްކާވެސް ހެދީމެވެ.
އަދި މާލެ އައިސް ފޭބީ، ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީ ތޮށިގަނޑާ ދިމާއަށެވެ. އެއީ ފެރީފުރާ އަދި ލަފާހަދާ ހިސާބެވެ. މާލެއަށް ފޭބިއިރު އެތާ ކައިރީގައި ސިފައިންގެ އާމަޑްކާރެއް ދުއްވާލަ ދުއްވާލާއޮތެވެ. ސިފައިންގެއާ ދިމާއަށް އެއްވެސް މީހަކު ނުދިއުމަށް އަޑުގަދަކުރާއެއް ބޭނުންކޮށްގެން އާމަޑްކާރ ތެރެއިން ގޮވަމުން ގޮވަމުންދެއެވެ.
ދެން އެތާތޮށިގަނޑު މަތީގައި ހުންނެވި ސިފައިންގެ ބޭކަލެއް ކައިރީގައި އަޅުގަނޑު މިއައި ހުޅުމާލޭން ކަމާއި މިދަނީ ގެއަށްދާން ކަމަށާއި ގެއަށް ފަސޭހައިން ދެވޭނީ، ތޮށިގަނޑު މަތިންލާފައި ހުޅަގަށްގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އެޅައިގެން ދިއުމުން، ފަސޭހައިން ގެއަށް ދެވޭނެކަމަށް ބުނެދިނުމުން އޭނާހުއްދަ ދެއްވީ، މިގޮތަށް ގެއަށް ދިއުމަށެވެ. ދެން ގެއަށްދިއުމަށް ހިނގައި ގަތީއެވެ. ބޭންކް އޮފް މޯލްޑިވްސް ކުރިމަތިން ރައީސް އޮފީސް ކުރިމަތިން ތޮށިގަނޑު މަތިން ހިނގާފައި ކުރިޔަށް ދިޔައީއެވެ.
ސިފައިންގެ އެންއެސްއެސް ބިލްޑިންގް ކުރިމަތިން ތޮށިގަނޑު މަތިން، ސިފައިންގެއިސް އޮފިސަރެއް ކަމުގައިވާ ޙުސައިންޝާކިރާ ދިމާވުމުން، ސަލާމްކޮށް ހާލުއަހުވާލު އަހާލާހެދުމަށް ފަހު، އަނެއްކާވެސް ހިނގައިގަތީ ގެއާދިމާއަށެވެ. ބީޗްރޯޑުން ވައަތަށް ޗާންދަނީމަގަށް އަޅާއި ދެކުނަށްގޮސް ކަނާއަތަށް އޯކިޑަމަގަށް އަޅައި އޯކިޑްމަގުން ހުޅަގަށް ޖަވާހިރުވާދީއާ ދިމާއަށް ހިނގާފައި ދިޔައީއެވެ.
އަދި ރިޔާސީ ގަނޑުވަރު ތީމުގޭ ކުރިމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންގެ ބޭފުޅުންކޮޅެއް އެތާތިއްބާ ފެނުމުން އެމީހުންނައި އޭގެތެރޭގައި އިސްކޮށް ހުންނެވީ ރައްޓެއްސަކަށް ވާތީ އޭނާއާ ސަލާންކޮށް ވާހަކަދައްކާ ލުމަށް ފަހު، ހިނގައިގަތީ ޖަވާހިރުވާދީއަށް ދިއުމަށެވެ.
ދެން ގެއަށްވަތް ގޮތަށްގެއިން އެއްގޮތަކަށް ވެސް އެރެއަކު ބޭރަށް ނުނިކުންނަމެވެ. ފެރީން މާލެއަށް ފޭބުނީރޭގަނޑު، 8:25 އެހާކަންހާއިރެވެ. ގެއަށް ވަދެވޭނީ ގާތްގަނޑަކަށް ރޭގަނޑު، 9 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށް ބެލެވެއެވެ.
ދެން ޓިވީންޚަބަރުތައް ބަލަން އިނދެފައި ނިދީއެވެ. ގެއިންބޭރަށް ނުކުތީ، އަނެއްދުވަހު މިނިސްޓްރީއަށް، އަޅުގަނޑުގެ ވަޒީފާއަށް ދިއުމަށެވެ. އެއީ، މިއަދު، (21 ސެޕްޓެމްބަރ 2003 ވީއާދީއްތަ) ދުވަހެވެ. އޮފީހުން ނިމިގެން ގެއަށްދާން ވެގެން ބޭރަށް ނުކުތްތަނުން އަޅުގަނޑު ގެނެވުނީ މިތަނަށެވެ. ސިފައިންގެއަށެވެ.
ވަރަށް ރަނގަޅަށް، ވަރަށް ތަފްސީލުކޮށް މި ކިޔައިދެވުނީ، ސެޕްޓެމްބަރ 19 އާއި 20 އާއި 21 މިތިންދުވަހު އަޅުގަނޑު އުޅުނު ގޮތާއި އަޅުގަނޑު ކުރިކަންތަކުގެ ތަފްސީލެވެ.
ދެން ބައެއް އިތުރު ސުވާލުތަކާއި ދެފަރާތުން އިތުރު ވާހަކަތައް ދެކެވުނެވެ. މިނޫންކަމެއް ހިންގާއި އިތުރުހަރަކާތެއް އަޅުގަނޑުގެ ފަރާތުން ހިނގާފައެއް ނުވާނެކަން އަޅުގަނޑަށް ކަށަވަރެވެ. އިތުރު ހެއްކެއް ތިޔަބޭފުޅުން އަތުގައި ހުރިއްޔާ އަޅުގަނޑު ކުރިމައްޗަށް ގެނެސްދެއްވާށެވެ. އަޅުގަނޑަށް ހެއްކާއެކު ތަފްސީލުކޮށް ބުނެދެއްވާށެވެ. އެނޫންގޮތަކަށް މިބަޔާނަށް، އަދި އަޅުގަނޑުގެ ވާހަކައަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭކަށް ނޯންނާނެއެވެ. މިކިޔައި ދެވުނީ ހަގީގަތެވެ. އިއްޔެގެ ޙާދިޘާތަކުގައި ގެއްލުންލިބުނު އެއްވެސްތަނެއް އެދުވަހު އަޅުގަނޑުގެ ލޮލުންނުދެކެމެވެ.
އަދިއެއީ ކޮންތަންތަނެއް ކަމެއް ޔަގީންކޮށް ކިޔައިދޭކަށް ވެސް ނޭނގޭނެއެވެ. ރޭގެޚަބަރުން އެނގުނު އެއްޗެއް ފިޔަވައި އަޅުގަނޑުގެ އިލްމުގައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އަޅުގަނޑަށް ހަދާނެގޮތެއް ހައްދަވަން ވީއެވެ. ތިޔަބޭފުޅުންނަށް ފެންނަގޮތެއް ހަދަންވީއެވެ. ދޭނެއަދަބެއް ދެއްވަންވީއެވެ. އިތުރު އެއްޗެއް އަޅުގަނޑުގެ މިދުލަކުން ނުނިކުންނާ ނެއެވެ. ގެއަށް ހިންގާފައި ދިޔައިރު ފެނުނުމަންޒަރު ތަކަކީ ކޯސްޓްގާޑް ބިލްޑިންގުގާއި އެތާކުރިމަތީގައި ހުރިސައިކަލް ތަކެވެ.
އެތަކެއްޗަށް ލިބިފައިހުރި ގެންލުންތައް އަޅުގަނޑުގެ ލޮލަށް ފެނުނެވެ. ދެން ތިޔަ ވިދާޅުވާ ސަރުކާރު މުވައްޒަފުންގެ ނާދީއަކަށް ވަތްކަމަކާއި ރައްޔިތުންގެ މަޖިލީސް ކުރާގެއަށް ވެދެ، މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީންކަމާއި އިލެކްޝަންސް އޮފީހަށް ވަތްކަމާއި އެތަންތަން އަންދާލި ގްރޫޕާއެކު އަޅުގަނޑު އިސްބަސް ބުނަމުން، އަމުރުކުރަމުން ދިޔަވާހަކަތަކަކީ ކަނޑައެޅިގެން ދޮގެކެވެ. ތިޔައީ ދެނަހުރިކަމެއް ނޫނެވެ. ތިޔައީ ކޮންމެވެސް ބަޔަކު ހަދަހަދައިގެން އުފައްދާފައި ހުރި ދޮގުވާހަކަތަކެވެ.
އަޅުގަނޑު މާލެތެރޭގައި ޣައިރުޤާނޫނީ ޢަމަލު ހިންގި މީހުންގެ ވެރިއަކަށް ހުރިފޮޓޯއެއް ވާނަމަ، އެއީ ކޮންމެވެސް ބަޔަކު ހަދާފައިވާ ފޮޓޯއެކެވެ. ތިޔަކަންތަކާގުޅޭ، ހެއްކާއި ގަރީނާތައް ހުރިއްޔާ، އަޅުގަނޑަށް ގެނެސް ދެއްކުމުންނޫނީ އެވާހަކަތައް ބަޔާނަށް ނުވެއްދޭނެ ކަމަށް ގަދައަޅާ ބުނަމެވެ.”
މިހާހިސާބުން ބަޔާން ލިޔެ ނިމުނީއެވެ. މިވާހަކަތައް އެބަޔާނުގައި ލިޔެ އިނގިލީގެ ނިޝާންޖަހައި ނިންމާލެވުނީ އިރުއޮއްސެނިކޮށެވެ. މިއީ ރަފްބަޔާނެކެވެ. ދެން އެއިންގޮތަށް ބައިންދާފައި އިނީ ތިރީގައެވެ. ކައުންޓަރު ކުރިމަތީގައި ކުރިންވެސް އިންގޮނޑީގައެވެ. އެއީ އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެކެވެ. މިގޮނޑީގައި އިންއިރު އެއްފަހަރަކު ފަސީޙު އަޅުގަނޑުގެ ކުރިމަތިން ހުރަސް ކުރެއްވިއެވެ. ވަޑައިގަތީ ހިނުތުންވެ ސަލާމްކޮށް ލައްވާފައެވެ. އިތުރުވާހަކައެއް އަޅުގަނޑު ނުދަންނަވަމެވެ.
އަދި ވެސް އިތުރުއެހެން އޮފިސަރުން ހިނގާބިނގާވާތަން މިގޮނޑީގައި އިންއިރު ފެނުނެވެ. އަޅުގަނޑު އެތާގައި އިންދެގެން ޤަޟާއަށް ޢަޞުރު ނަމާދުކޮށް އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ޤަޞްރަށް ކުރީމެވެ. ވުޟޫކުރަން ބޭނުމޭ ކައުންޓަރުގައި އިންނެވި ބޭފުޅާއަށް ދެންނެވުމުން ވެއްދީ އެދިމާތިރީގައި ހުރި ފާޚާނާއަކަށެވެ. ނަމާދުތައް ކުރީ އެދިމާ ބިންމަތީ ތަޅުންގަނޑުގައެވެ. ކުނަލެއް އެއްޗެއް ނާޅައެވެ.
ހަވީރުސައި، އަދި ރޭގަނޑު ކާންދިނީ ބިމުއަޑީގެ ބިންގަރާހު ބަޔަށް ގެންގޮސް ގޮޑިއެއްގައި ބައިންދައި ގެންނެވެ. ދެން އޭގެފަހުން ވެސް ގޮނޑީގައި އިށީދެގެން އިނީއެވެ. ކައުންޓަރުގައި ތިބޭކުދިން ނޫންބަޔަކު ނުފެނެއެވެ. މިގޮތަށް އެގޮނޑީގައި އިންދައި، ޚަބަރެއްވެ ގޮވާލީ ދަންވަރު، 12 ގަޑިބައިވި ފަހުންނެވެ.
އަނެއްކާވެސް އެރުވީ ފަސްޓްފްލޯގައި ހުންނަތަހްގީގު ކުރާކޮޓަރިތަކުން ކޮޓަރިއަކަށެވެ. ކުރިންވެއްދި ތަންނޫން އެހެން ތަނަކަށެވެ. މިއީ ތަހުގީގުކުރުމަށް ހަދާފައި ހުރި ކުދިކުދިބައިބައެވެ. ހުންނަނީ ބޮޑުގޮނޑިއަކާއި މޭޒަކާއި އެ މޭޒުގެ ކުރިމަތީގައި އާދައިގެ ދެގޮނޑިއެވެ. ދެންހުންނަނީ ވާހަކަދެއްކުމުގެ އަޑުތައް ރެކޯޑްކުރުމަށް ހުންނަ ރެކޯޑަރެކެވެ. ތަހުގީގުކުރުމަށް އިންނެވީ ކުރިންވެސް ސުވާލުކުރައްވާއި ބަޔާނެއް ނެންގެވި ނައިބުގޭ މުހަންމަދު ޙަލީމްއޭ ކިޔުނު އިސްއޮފިސަރެވެ.
މިފަހަރު އަޑުއަހާނެ އިތުރުސިފައިންގެ މީހަކުވައްދާފައެއް ނެތެވެ. ތިބީ އަޅުގަނޑާއި ހަލީމާ ދެމީހުންނެވެ. މިހާރު އިލްޔާސް ބުނުއްވަނީ ކީކޭހޭ، ހަލީމް އެއްސެވިއެވެ. އަޅުގަނޑު ޖެހިލުމެއްނެތި ބުނެފީމެވެ. އަޅުގަނޑު ބުނަންހުރި ހުރިހާވާހަކަ ތަކެއްވާނީ ތިޔަނެންގެވި ބަޔާނުގައި ވަރަށް ތަފްސީލުކޮށް ލިޔެވިފައެވެ. އަދި އެއީ ރަފްބަޔާނަކަށް ވިޔަސް އަޅުގަނޑު ސޮއިކޮށް އިނގިލީގެ ނިޝާންދީފައި ވާނެއެވެ.
އޭގެއިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ނުކުރާކަންތަކުގެ ވާހަކައެއް ނުލިޔެވޭނެއެވެ.
ހަލީމަށް ޝައްކުވާކަމެއް ނުވަތަ އެއްޗެއް ބަޔާނުގައި ބުނެވިފައި ވާނަމަ، ފެރީޑްރައިވަރާއި ކުޅުދުއްފުށީ އަހްމަދާ ދެމީހުން ގެނެސް މިއީތެދުތޯ ނުވަތަ ދޮގުތޯ އައްސަވާށެވެ. އެމީހުންނާ ސުވާލުކުރެއްވީމާ ނިމުނީނޫން ތޯއެވެ! އަދި އަޅުގަނޑު ފެރީއާހަމައަށް ގެންގޮސްދިން، އަޖޫބެއާ ވެސް ސުވާލު ކުރައްވާށެވެ. އަޅުގަނޑު މިހަދަނީ ދޮގުތޯބެއްލެވުމަކީ ތަހުގީގުކުރާ މީހާގެ ވާޖިބެކެވެ. އިރުއިރުކޮޅާ އަޅުގަނޑު ގެނެސް އެއްވާހަކަތަކެއް ތަކުރާރުކޮށް އަހާކަށް ނުޖެހެއެވެ.
ބިރު ގަންނުވާން ނޫޅުއްވާށެވެ. ނަފްސާނީ އަނިޔާކުރައްވާން ނުހައްދަވާށެވެ. ނުކުރާކަންތައް ކުރިކަމަށްހަދާއި ތިފާޑަށް މަސައްކަތް ކުރެއްވިޔަސް އަޅުގަނޑުބިރެއް ނުގަންނާނެއެވެ. ޖެހިލުމެއް ނުވެއެވެ. ނުކުރާކަމަކަށް މަރާލިޔަސް އެއްބަހެއް ނުވާނަމެވެ. މީގެކުރިން ވެސް ތިޔަބޭފުޅުންގެ އަނިޔާތައް ހުރީ އަޅުގަނޑަށް ތަފާތުގޮތް ގޮތަށްލިބި ތަޖްރިބާ ކުރެވިފައެވެ. ބިރުދައްކައިގެން އަޅުގަނޑުގެ ފުށުންހޯދޭނެ އެއްޗެއް ނޯންނާނެކަން މީގެ ކުރިންވެސް ހަލީމަށް ވާނީ ރަނގަޅަށް އެނގިލައްވާފައެވެ.
ކުރީބުރުގައި ޖަލުގައި ހުރިއިރު ހަލީމް އަޅުގަނޑާ ސުވާލުކުރެއް ވީމުނޫންތޯއެވެ. މިހާ ހިސާބުން، ދެން އެންމެ ރަނގަޅޭ ވިދާޅުވެފައި މިފަހަރު، އަޅުގަނޑު ހަވާލުކުރި މީހާ، އަޅުގަނޑު ގެންގޮސްވެއްދީ ބިމުއަޑީގައި ހުންނަބައިގައި ހަދާފައި ހުރި ގޮޅިތަކުތެރެއިން ވީއައިޕީ ގޮޅިއަކަށެވެ. އަޅުގަނޑުގެ ބަޔާން ގެންގޮސް ސައްލާކޮށް ހަދާފައި ދަންވަރު މިބައްދަލުކުރީ ޖަލަށްލުމަށް ކަމަށް ކުރިންވެސް އަޅުގަނޑަށްވަނީ ވިސްނިފައެވެ. އަބަދުވެސް މިވެރިން ދަންވަރު ކަންތައްކުރަނީ ލުއިދިނުމަކަށް ނޫނެވެ. އަދަބުމަތި ކުރާށެވެ. ހުރިވަރަށް ވުރެއަދަބު ބޮޑުކޮށްލަން ވީމައެވެ.
އާދެ! މިގޮޅިއަކީ، ކޮންކްރީޓްޝީޓުން އެއްވެސް ކަހަލަ އާނގައެއްނެތް ގޮތަށް ވަށައިގެން ބަންދުކޮށްފައި ހުރި ކުޑަވަރެއްގެ ކޮޓަރިއެކެވެ. އަޅުގަނޑު ގެނެސްމިތަނަށް ވެއްދި އޮފިސަރު ކައިރީގައި އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑަކީ، 2000 ވަނަ އަހަރުން ފެށިގެން ޑައިބެޓިކް މީހެކެވެ. އަޅުގަނޑަށް ކާންދޭން ޖެހޭނީ ގޭގައި ކައިބޮއި އުޅޭ ތަކެއްޗެވެ. އެނޫންއެއްޗެއް ނުކެވޭނެއެވެ.
އަދި އެނޫންއެއްޗެއް ގެނެސްދީފިއްޔާ ނުކައި އޭތިކޮޅު އަނބުރާގެންދަން ބަހައްޓާނީއެވެ. ދެން މިއޮފިސަރު ކަލޭގެބުނެފިއެވެ. ބޮޑެތި މީހުންނާ ވާހަކަދައްކާފައި ތިމަންނަ މިއަންނަނީއެވެ.
ވީއައިޕީ ގޮޅިކޮޓަރިއަށްލާއި ތަޅުލުން:
އޭނާދިޔައީ އަޅުގަނޑު އެ ގޮޅިކޮޓަރިއަށް ލުމަށް ފަހު، ބޮޑުދޮރު ތަޅުލާފައެވެ. އެއީ ލަކުޑިންހަދާފައި ހުރި ސިންގަލް ދޮރެކެވެ. އަތްގަނޑު ކައިރީގައި ހަނިދިގު ބިއްލޫރިކޮޅެއް އިނދެއެވެ. އެއީ އެމީހުން ބޭނުންވާ އިރެއްގައި އައިސް ބަލައިލާށެވެ. އާންމުކޮށް ހުންނަނީ ބޭރުން ކަރުދާސްއަޅައި އެތެރެއިން ބޭރު ނުފެންނާނެހެން ބަންދުކޮށްލާފައެވެ. ވަރަށް ގިނަގޮތްގޮތަށް އަރިވެގެން އެކިއެކިއޭންގަލުން އެކިގޮތަށް އަރިވެ އޮވެގެށް ބެލީމައި ކުޑަކޮށް ބޭރު ފެނެއެވެ. ދެން އޭނާ ދިއުމުން މިތަންރަނގަޅަށް އަޅުގަނޑު މޮނިޓަރކޮށް ވަށައިގެން ބަލާލައިފީމެވެ. ކަންކަންއެތެރޭގައި ހުރި ގޮތްތަށް ރަނގަޅަށް ދަސްކޮށްފީމެވެ.
މިތަނުގައި ބަހައްޓާފައިހުރި ސިންގަލް އެނދުން ބޭރުގައި ތަޅުމުގައި ހުރި ހުސް ޖާގާގައި ގިބްލަހުރިގޮތުން ސަދިޖަޖެހޭ ވަރެއްނުވެއެވެ. އެހާކުޑަތަނެކެވެ. ވަރަށް ކުޑަފާޚާނާއެއް ދޮރެއްލާފައި ހުއްޓެވެ. އަތްދޮންނަ ތައްޓާއި ފެންވަރަންހުރީ އާދައިގެ ރަނގަޅު ފެންވަރަކަށެވެ. ފާޚާނާގައި މޫނުބަލާނެ ލޯގަނޑެއް ނުހުރެއެވެ. އެނދުގައި ހުރީ ބެޑްޝީޓްއަޅާއި ދެބާލީސް ބާއްވާފައެވެ. ތުވާއްޔެއް ނެތެވެ. ބުރުހެއް ނެތެވެ. ފާޚާނާ ތެރެއާއެކު ވަށައިގެން ބެލިއިރު، މިގޮޅީގައި ގުދުރަތީވައިކޮޅެއް ވަންނާނެ އެއްވެސް އާންގައެއް ކެންޑުމެއް ނެތެވެ.
ބިމުގެއަޑިއަށްވާތި މިތަނަށް ހުންނަނީ މެޝިނެއް، ނުވަތަ ބްލޯވަރެއް މެދުވެރުކޮށް ބޭރުންވައި ވައްދާފައެވެ. ކަރަންޓް ގޮސްފިއްޔާ ވައިބަންދުވީއެވެ. ވަންނަބޮޑުދޮރުގައި ގާޑްބެލުމަށް ހަދާފައިހުންނަ ކުޑަބިއްލޫރިކޮޅެއް އިނދެއެވެ. ކެއުންވައްދަން ހުޅުވާފަހަރު ތަކުގައި ދޮރުކައިރިޔަށް ޖެހި އެބިއްލޫރިކޮޅުގައި ޓޭޕުއަޅައިގެން ބޭރުފަރާތުން ހަރުކޮށްފައި ހުން ކަރުދާސްގަނޑު އަރިމަތިން އޮޅާލައި ހެދުމުން މިބިއްލޫރިކޮޅުން ގާޑަށްހުންނަ މީހާ އާއި ކައިރީގައި ހުރި އެހެން ކުދިގޮޅިތަކުގެ ދޮރުފެނެއެވެ.
އަޅުގަނޑު ހުންނަ ގޮޅީގެ ކުރިމަތީގައި ހަމަ މިވައްތަރުގެ އެހެން ދޮރެއް ފެންނާން ހުއްޓެވެ. މިއީ ހަމަމީގެ ތަނެކެވެ. ހީވަނީ ދެވަނަ ވީއައިޕީ ކޮޓަރިގޮޅިއެއް ހެންނެވެ. މިއީ މިބިލްޑިންގުގައި މަތީފަންތީގެ ގައިދީން ވެއްދުމަށް ހަދާފައިހުންނަ ވީއައިޕީ ދެގޮޅިއެވެ. ކުދިގޮޅިތަކުގައި ހުރީލަކުޑި ދޮރެއްނޫނެވެ. ދަނގަޑުން ތޭރިލީދޮރުލާފައި ގާޑަށް އެތެރެ ފެންނަގޮތަށެވެ. ގައިދީކަލޭގެ ކުނަލުގައި އޮށޯވެގެން އޮންނައިރު ރީއްޗަށް އެއްކޮށް ފެންނަގޮތަށެވެ.
މިއިން ގޮޅިއެއްގައި އަންހެން ކުއްޖަކު އޮވެއްޖެނަމަ، އޭނާގެ ނިދުމާއި އަރާމުކުރުމުގެ ހުރިހާ މަންޒަރެއް ގާޑުކަލޭގެއަށް ރީތިކޮށް ފެންނާނެއެވެ. ބޭރުގައި ހުރެގެން ލައްޒަތުގެ އިހްސާސްތައް ގާޑަށް އިހްސާސް ކުރެވިދާނެގޮތަށެވެ. ނިދާފައި އޮންނަ މަންޒަރުވެސް ފެންނާނެއެވެ. ދޮރާޖެހިގެން އޮވެއްޖެނަމަ އަތްވެސް ފޯރާނެއެވެ. ސީލާއި ފެންވަރަން ހުންނަތަންކޮޅު ހުންނަނީ ފާރުފަޅިއަކުން ނިވާކޮށްފައެވެ.
އެހެނަސް އަޑުން އެކުރަމުންދާ ހުރިހާކަމެއް ވިސްނުމަށް ގެނެސް ދެނެގަނެވޭނެއެވެ. ދެން ބައިގަޑިއެއްހާ އިރުފަހުން މިތަނަށް އަޅުގަނޑު ވެއްދިއޮފިސަރު ދުރުވެ ދޮރުހުޅުވާލާފައި ކާންބޭނުންވާ ސާމާނުގެ ލިސްޓެއް ކިޔައިދިނުމަށް އަޅުގަނޑު ކައިރިން އެދުނެވެ. އަޅުގަނޑު ގޭގައިކާން ބޭނުންކުރާ ސާމާނުގެ ލިސްޓެއް މީނާއަށް ކިޔައިދިނީމާ ނޯޓްކުރަން ފަށައިފިއެވެ.
ހެނދުނު ސަޔަށް ޑައިބެޓިކްޖޭމާއި ޑައިބެޓިކް ބަޓަރާއި ޑައިބެޓިކް ކިރާއި ހިކިމޭވާގެ މޫސްލީއެވެ. ބްރައުންބްރެޑް ގެނެސްދެވެން ނެތިއްޔާ އާޓާފުށުގެ ރޮށިހުންނަން ޖެހޭނެ ވާހަކަނޯޓް ކުރުވީމެވެ. މިތަކެތި ފެންޓަސީން ލިބެންހުންނާނެ ވަހާކަވެސް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ގަންނަނީ އެތަނުން ކަމުގައި ބުނެދިނީމެވެ. މެންދުރު ކެއުމަށާއި ރޭގަނޑަށް ބޭނުން ވާނީ ބްރައުންރައީސްގެ ބަތާއި ރޯފިލާފައިހުންނަ ތަރުކާރީ އާއި ހަވާދުމަދުން އަޅާފައި ހުންނަ ކިރުގަރުދިޔައާއި އެހެނިހެން ރިހައާއި ކުޅިނުކޮށް ޒައިތޫނި ތެލުގައި ފިހެފައިހުންނަ ތެލުލި މަސްބުރިއެކެވެ.
އަދި ކޮންމެކެއުމަކަށް ފަހު، ފްރެޝްފުރުޓްކޮޅެއް ތާޒާކޮށް ހުންނަންވާނެ ކަމަށް ލިސްޓްކުރިއެވެ. ހުރިހާއެއްޗަކަށް ވެސް ތެލުގެގޮތުގައި ބޭނުންކުރަން ވާނީ ޒައިތޫނިތެޔޮ ކަމުގައި ލިޔުވީމެވެ. އަދި ކޮންމެ، 24 ގަޑި އިރަކަށް މިނަރަންވޯޓަރގެ ބޮޑު ދެފެންފުޅި ބޭނުންވާނެ ކަމަށް ބުނީމެވެ.
ދެން މިއޮފިސަރު ކަލޭގެ ދޮރުތަޅުލާފައި ދިޔައީ މާދަމާއިން ފެށިގެން މިގޮތަށް ހަމަޖައްސާނެ ކަމަށް ބުނެފައެވެ. އަދި އަޅުގަނޑު އޭނާގާތުގައި ބުރުހާއި ތުވާއްޔާއި ކާންގެންގުޅޭ ބޭސްތައް ބޭނުމޭ ބުނުމުން ހަމައެވަގުތު ތުނިތުނިތުވާއްޔަކާއި ސައިބޯންޏަކާއި ބުރުހަކާއި ދަތްއުނގުޅާބޭސް ފުޅިއެއް ވަގުތުން ގެނެސްދިނެވެ. މިތަކެތި އަރިމަތީގައި ހުންނަ ގުދަނެއްގައި ތައްޔާރަށް ދެވޭގޮތަށް ހުރެއެވެ.
ބޭނުންކުރާ ބޭސްތައް މާދަމާގެއިން ގެނެސްދޭނެ ވާހަކަ ބުނެފައި އޭނާ ހިނގައްޖެއެވެ. އަދި ގެއިން ޖިންސަކާއި ނިދަންލާނެ ޓީޝާޓެއް ކުޑަދަބަހަކާއެކު ބޭނުންވާނޭ ބުނުމުން، މާދަމާ ގެއިންބޭސް ގެންނައިރު ތިޔަކަންތަށް ކޮށްދޭނަމޭ ބުންޏެވެ. ދެން އަޅުގަނޑުބެލީ ގަޔަށް ފެންއަޅާލައި ސާފުވެލައިގެން އައިސް އެނދަށްއަރައި ނިދޭތޯއެވެ. އެހެނަސް ނިދުނީ ވަރަށް ފަހުންނެވެ. މިގޮތުން ވީއައިޕީ ދެގޮޅީގައި ތިބޭވީއައިޕީ ގައިދީންނަށް ވީއައިޕީ ޓްރީޓްމަންޓް ހަމަޖެހޭނެކަމަށް މީނާބުނެދިނުމުން ހިތްހަމަޖެހުނެވެ. ~ނުނިމޭ~



Comments