top of page

ޖަވާހިރުވާދީ އިލްޔާސް، ހަތަރުވަނަފަހަރު ޖަލަށްލެވުނީ، އީވާން ނަސީމްގެ މަރާއި ޖަލުގައި ސިފައިން ބަޑިޖެހުމުން މާލޭގައި ހިނގާދިޔަކަންތަކާ ގުޅިގެންނެވެ. (3 ވަނަ، އަދި ފަހުބައި)

Writer: ilyashusein
ilyashusein
Oct 16
33 min read

*ބިންގަރާސް ބަންދު ގޮޅިކޮޓަރީގައި، 30 ވަނަ ދުވަސްފެށުން:

*ހުވަފެނެއްގެ ވާހަކަ:

*މުލަރޯދައަށް ޖަލުހާރުއެއުން ގޯސްވެގެން ޖަލުގެ ދެބުރީގައި ގައިދީން ހަޅުތާލުކުރުން:

*އަނިޔާވެރި ބިންގަރާސް ގޮޅިކޮޓަރީގެ އަނިޔާތަކުން މިނިވަންވުން:

*މިފަހަރުގެ ބަންދުކުރުމާ ގުޅޭ އިތުރު ވާހަކަތައް:

*އިސްލާހީހަރަކާތް އާގިޔަރެއްގައި ފެށުން:

*ޙާދިޘާއާ ގުޅޭ އިތުރު ތަފްސީލް:

*އެފަހަރު ރިޔާސީއިންތިޚާބުގައި މަޖިލިސް އިއްތިފާގު ހޯއްދެވިގޮތް:

*އިބޫސާލިހު އަތުން މަޖިލިސް އިއްތިފާގު ވުމަށް ރިޔާސީވޯޓުހޯދިގޮތް:



ބިންގަރާސް ބަންދު ގޮޅިކޮޓަރީގައި، 30 ވަނަ ދުވަސްފެށުން:


20 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 30 ވަނަ ދުވަހެވެ. މިއަދުދިޔައީ ވަގުތުލިބޭ ވަރަކުން، އެންމެން މަޖާކޮށް ހެދުމުގައެވެ. ގާޑުންނަށް އަޑުއިވޭވަރަށް ގަދައަޑުން ހުރިހާ ގައިދީން ވާހަކަދައްކަނީއެވެ. މިހާރު ބިރެއްނެތެވެ. ހުޅުވުނީއެވެ. މިގޮތަށް ގޮޅިތަކުގައި ބަންދުވެ ތިބެ އެކަކުއަނެކަކާ ވާހަކަދެއްކުމަކީ އާންމުކަމަކަށް ވެއްޖެއެވެ.


ހީވާގޮތުގައި މިގޮތަށް ވެސް މިދޫކޮށްލީ، އަޅުގަނޑު މެންގެ ވާހަކަތައް އަޑުއަހައިގެން އިތުރުކަމެއް ތަހުގީގަށް ނެރެވިދާނެތޯ ބަލާލުމަށް ކަމުގައި ވެދާނެއެވެ. ބައެއްފަހަރު ގާޑު އައިސް އަޑުގަދަކޮށް ވާހަކަދެއްކުން މަނާ ވެސް ކުރެއެވެ. އެހެނަސް އެއީމާބޮޑު ކަމަކަށް މިހާރަކު ނުވެއެވެ. ތިބެނީ ކުރިޔަށް ވުރެ ދޫދިފައެވެ. މަޖާކޮށް ވާހަކަދައްކައި ހެދެއެވެ. ބައްދަލުނުވެވޭ ކަމެވެ. އަދި އެކަކުއަނެކަކަށް މޫނުނުފެންނަކަމެވެ.


21 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 31 ވަނަ ދުވަހެވެ. މިއަދަކީ ވެސް ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.


22 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 32 ވަނަ ދުވަހެވެ. މިއަދަކީ ތަހުގީގު އޮތް ދުވަހެކެވެ. ބަލާއައީ ހެދުނު، 10:30 ގައެވެ. ވެލާނާގެއަށް ގެންގޮސް އިރުގަނޑަކު ގުދަނުގައި ބޭންދުމަށް ފަހު، ވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. މިއަދު ތިއްބެވީ، ތަހުގީގު ފެއްޓެވިއިރު ތިއްބެވި ބޭފުޅުންނެވެ. ވެރިއަކަށް އިންނެވީ، ނައިބުގޭ މުހަންމަދު ހަލީމެވެ.


ދެން މަޖިލީހުގެ މެންބަތުންނަށް ތިއްބެވީ، ހިޔަލީ އާއި ރާމިޒާއި ސްޓޭޓް އެޓަރނީއަކަށް ނާޝިދެވެ. މިއީ އެއްޓީމެވެ. ގުދަނުން ބޭރުގައި އަޅުގަނޑު ހުޅުމާލެއަށް ދިޔަފެރީގެ ޑްރައިވަރު ގެނެސް އަތްގަނޑުލީ ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދާފައި އިންދާ އަޅުގަނޑަށް ފެނިއްޖެއެވެ. މިއީ ވެސް ނަސީބަކުން ދިމާވި ރަނގަޅު ކަމެކެވެ. އޭނާގެ މޫނު ރަނގަޅަށް ދަސްކޮށްލުމަށް ލިބުނު ފުރުސަތެކެވެ. މީނާ ފެނި ހީލާހަދާލުމަކީ އަޅުގަނޑަށް ލެއްވި ނަސީބެކެވެ.


ތަހުގީގު ކޮޓަރިއަށް ފުރަތަމަ ވެއްދިތަންފެނުނީ ފެރީޑުރައިވަރެވެ. އެނބުރި އައިސް އޭނާއިން ގޮނޑީގައި އިށީދެ ކަނާއަތުގެ ބޮޑުވައި އިނގިލި ފޮހޭތަން ފެނުމުން އޭނާ އެ އައި ބަޔާނެއް ދީފައިކަން އެނގުނެވެ. މިއަދުގެ ތަހުގީގު ފެށި މި ހިނގައިގަތީ، މާލޭން ހުޅުމާލެއަށް އަޅުގަނޑު ދަތުރު ކުރި ފެރީގެ ޑްރައިވަރައި ހަމައިންނެވެ. ދެން އޭނާއަށް ފަހު، ވެއްދީ އަޅުގަނޑެވެ. އަޅުގަނޑުގެ ތަހުގީގު ފައްޓަވައި ދެއްވަމުން ހަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، އެހެންފަހަރު ތަކުގައި ވެސް ކުރައްވާފައިވާ ސުވާލެވެ.


އިލްޔާސް އިތުރަށް ބުނާނެ އެއްޗެއް އެބައޮތް ތޯއެވެ؟ އަޅުގަނޑު ދަންނަވައިފީމެވެ. ދަންނަވަން ހުރި ހުރިހާ އެއްޗަކާއި ބުނަންހުރި ވާހަކަތަކަކީ، ހަމައެކައްޗެކެވެ. މިކަމާގުޅިގެން ދަންނަވާނެ އިތުރު ވާހަކައެއް ނެތެވެ. އިތުރަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން އަތުގައި އެދުވަހު މަގުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އަޅުގަނޑު އުޅެފައިވާ ކަމުގެހެއްކާއި ގަރީނާހުރިއްޔާ އަޅުގަނޑަށް ދައްކަވާށެވެ. އަޅުގަނޑުގެ ކުރިމައްޗަށް ގެނެސް ދެއްވާށެވެ.


އޭރުން އަޅުގަނޑު މިހުރީ، ވަރަށްކެރިގެން ވާހަކަދައްކާށެވެ. އެކަހަލަ އެއްވެސް ހެއްކެއްގަރީނާއެއް ނެތިއްޔާ އަވަހަށް މިނިވަންކޮށް ދޫކޮށްލަ ދެއްވާށެވެ. ދުނިޔޭގެ ވައިރޯޅިއެއް ނުވަންނަ ބިންގަރާހެއްގައި ބަންދުވެ ހުރެ އަޅުގަނޑުގެ މުޅިހަށިގަނޑު ހަލާކުވެއްޖެއެވެ. އެތަންމިތަނަށް ތަދުއަރަން ފަށައިފިއެވެ. ނިދާހޭލައިގެން އެނދުން ތެދުވެވެނީ ވަރަށް ހާލުން އުޅެގެންނެވެ. އެވަރު ވަނީވެސް ޓަސްލާފައި ހިނގައިނުގަނެ ގިނައިރު އެނދުގައި ދެފައިތިރިޔަށް ބާލައިގެން އިށީދެ އިނުމަށް ފަހު ތެދުވުމުންނެވެ.


މުޅިގަޔަށް ހުންނަނީ ހޫނުވާކަހަލަ ގޮތެއް ވެފައެވެ. ތެދަށް ހިނގައިނުގަނެވެއެވެ. އުނަގަނޑުންމަތި ހީވަނީ ބިންދަށަށް ނޫނީ އަރިއަކަށް ހިނގައިދާނެ ހެންނެވެ. މިކަންތައް ވަރަށް ރަނގަޅަށް، ކޮންޓްރޯލް ރޫމްގައި އަޅުގަނޑުގެ ހަރަކާތްތައް ކެމެރާ މެދުވެރިކޮށް މޮނިޓަރކޮށް ބަލަހައްޓަންތިބޭ އޮފިސަރުންނަށް ފެންނާނެއެވެ. އަދި އެނގޭނެއެވެ. އެބޭފުޅުން ކުރެން އައްސަވާށެވެ. އެމީހުން ރެއާއިދުވާލު އެތިބެނީ އަޅުގަނޑުމެންގެ މަންޒަރު ބަލަބަލާފައި އަޑުންއަޑުނަގައި ހީސަމާސާކުރާށެވެ.


އަޅުގަނޑުގެ އަސާސީހައްގުތައް އަވަހަށް ލިއްބައި ދެއްވާށެވެ. ކަށަވަރުކޮށް ދޭށެވެ. މިފަދަ ޖިސްމާނީ، އަދި ނަފްސާނީ އަނިޔާތަކުން، އަވަހަށް މިންޖުކޮށް ދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނޭވެ! ހައްގުތައް ނިގުޅައި ގަނެވިފައިވާ އިންސާނެއްގެ މިގޮވުންތައް އައްސަވާށެވެ. މިއަޑުތައް އައްސަވާށެވެ. އަވަހަށް ލުއިކަމެއް ގެނެސް ދެއްވާށެވެ! މިވާހަކަތައް މަޖިލީހުގެ އެހެން އިއްޒަތްތެރި މެމްބަރުން އަރިހުގައި ވިދާޅުވެ ދެއްވާށެވެ! އާންމު ރައްޔިތުންނަށް ކިޔައި ދެއްވާށެވެ!


މިއީ އިންސާނަކަށް ދެވޭ ސާފު އަނިޔާއެވެ. ދެން އިތުރަށް ކުރަންޖެހޭ ސުވާލުތަކެއް ހުރިއްޔާ، އަވަހަސް ކުރެއްވުމަށް އަޅުގަނޑު ހަލީމަށް އެޑްރެސްކޮށް ދެންނެވުމުން ވިދާޅުވީ، އެދުވަހު ސަހަރާއަށް އިލްޔާސް ދުރުވީ، ކާކު ބުނެގެން ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ސަހަރާގައި ހުންނަވައިގެން އިލްޔާސް ވާހަކަދެއްކެވީ ކޮންކޮންބަޔަކާ ހެއްޔެވެ؟ ދެއްކެވީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އިލްޔާސްގެ ފޯނަށްގުޅީ ކޮންބައެއް ހެއްޔެވެ؟ މިފަދަ ސުވާލުތަކެއް ކުރައްވަން ހަލީމުފެއްޓެވުމުން އަޅުގަނޑު ކުޑަކޮށް ރުޅިއަންނަގޮތް ވެފައިހުރެ ދަންނަވައިފީމެވެ. މިހުރީ މިއަދުގެ އެންމެ ފަހު ވަގުތު ނިންމާލަމުން ތިޔަވާހަކަތައް ދައްކާށެވެ.


އާދެ! ތިޔައީ، 19 އޮކްޓޯބަރ 2003 ވީމިދިޔަ އާދީއްތަ ދުވަހު މިތާ ވެލާނާގޭގެ ތަހުގީގު، 1 ނަމްބަރު ކޮޓަރިއަށް، އަޅުގަނޑު ވައްދާފައި ރާއިދާއި އެހެން އޮފިސަރަކާ ތިބެގެން ކުރި ސުވާލުތަކެވެ. އަޅުގަނޑު އަމިއްލައަކަސް އިސްވެ ފެށުމުގެ ކުރިން، މިވާހަކަތައް ފައްޓަވައި ދެއްވީތީ ވަރަށް ހެޔޮފުޅެވެ.


އަޅުގަނޑު މިހުންނަނީ މިވާހަކަތައް މަޖިލީހުގެ މެމްބަރުންނަށް އިއްވާލާހިތުން ކެތްމަދުވެފައެވެ. މަޖްލީހުގެ ގިނަމެމްބަރުންނަށް އިވުމަކީ ރަނގަޅަކަށް ވާނެތީއެވެ. އެދުވަހު ވެސް ދެމެމްބަރަކު އަޑުއެއްސެވިއެވެ. މިތަހުގީގު ފުރިހަމަވެ، އިއްޒަތްތެރި މެމްބަރުންނަށް އަޕްޑޭޓްވެގެން ދާނީ، މިވާހަކަތައް ތަފްސީލުކޮށް ދެކެވި، އެބޭފުޅުންނަށް ގިނަވާހަކަތައް އަޑުއިވިގެންނެވެ. އަޅުގަނޑު ތައްޔާރުވެގެން މިހިރީ އެވާހަކަތައް ކިޔައިދޭށެވެ. ފަހެ، ހުރިހާބޭފުޅުން ވެސް އަޑުއައްސަވާށެވެ!


މިމަހު، 19 ވަނަ ދުވަހު މިތަނަށް، ވެލާނާގެއަށް ގެނެސްވެއްދިީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާނގައި އިސްކޮށް ތިއްބެވީ، ރާއިދު ކިޔާ އޮފިސަރަކާއި ރާއިދާއެކު މާލެތެރެއިން އަބަދުވެސް އެކުގައި އުޅެނިކޮށް ފެންނަ އޮފިސަރެކެވެ. މިދެމީހުންނަކީ އަޅުގަނޑު ދެކޭގޮތުގައި މިފަދަ ޚާއްސަކަމެއް ރައީސް މައުމޫނު ދެއްވައިގެން މަޖިލީހުގެ މެމްބަރުން ބައިތިއްބަވައިގެން ކުރިޔަށް ގެންދަވާ މުހިންމު ތަހުގީގެއްގައި އިސްކޮށް ސުވާލުކޮށް ހަދަން ބައިތިއްބައިގެން ވާރުގެބައެއް ނޫނެވެ.


އެއީ މާލެތެރޭގައި އަޅުގަނޑުމެން ސިޔާސީ މީހުން ފަހަތުން ފާރަލަމުން ފޮޓޯނަގަމުން ދުއްވާ ހަދަން އުޅޭ، ޖާސޫސީޖޯޑެކެވެ. މި ދެ އޮފިސަރުންގެ ޖޯޑަކީ އަޅުގަނޑުމެންގެ ކުރިމަތީގައި މުޅިންއަގު ވެއްޓި ބޭޒާރުވެފައިވާ ކުދިންނެވެ. ބަޔަކުބުނީމާ ބުނާހާގޮތްތަކެއް ހަދަމުން ގެންދާ ގުރާޖޯޑެކެވެ. އެވައްތަރު ކަމުދާނީ މަގުމައްޗަށާއި ގަސްގަހަށް މައުލޫމާތު އެއްކުރަން އުދުއްސާށެވެ. ފޮނުވާށެވެ.


އެއް ނަމްބަރު ތަހުގީގު ކޮޓަރިއަށް އަޅުގަނޑު ވައްދާފައި ރާއިދު ވެސް ވަނީ ތިޔަކަހަލަ ހެއްވާސުވާލު ތަކެއް އަޅުގަނޑާ ކޮށްފައެވެ. ހެއްވާ ކަމަކަށްވީ އޭނާ ކުރުމުންނެވެ. ރާއިދު އެދުވަހު މިކުރިސުވާލު ތަކަކީ، އަޅުގަނޑު ކަހަލަމީހަކާ، ރާއިދު ކޮށްގެންވާނެ ސުވާލުތަކެއް ނޫނެވެ. ރާއިދަކީ އަޅުގަނޑުމެން ފަހަތުން ފާރަލަމުންދުވި މީހެކެވެ. އެކަން އޮތީ ފަޅާއަރާއި ބޭޒާރުވެފައެވެ. މިފެންވަރުގެ ބޮޑު ތަހުގީގެއްގައި އެނާ ލައްވާ މިފަދަ ސުވާލުކުތައް ކުރުވައިގެން ނުވާނެއެވެ. އެކުދިން އެކަން ކުރީމައި ވާނީ އިތުރަށް ބޭޒާނުނޫންތޯއެވެ؟


ބޭޒާރުވެ ފަޅާއަރަމުން މިދަނީ، ތިޔަބޭފުޅުންގެ އެތެރޭގައި އޮންނަން ޖެހޭ ހަރުދަނާކަން ނެތްކަމެވެ. އަޅުގަނޑުމެންގެ ފަހަތުން ޖާސޫސުކުރަން އުޅޭ މީހަކު އަޅުގަނޑު ގެނެސް، ސުވާލު ކުރިމާ ވާނީ ކިހިނެއް ތޯއެވެ؟ ރާއިދަކީ އަޅުގަނޑު މެންފަހަތުން އަޅުގަނޑުމެން ސިޔާސީ މަޅިއެއްގައި ބެއްދުމުގެ ބޭނުމުގައި ފަހަތަށް ދޫކޮށްފައި ހުރި މީހެއްކަން ސާފުކޮށް އަޅުގަނޑު މެންނަށް ހެއްކާއެކު އެނގެއެވެ. ވީމާ ހަޑިއެވެ.


އެފެންވަރުގެ ދޯދިޔާމީހުން އަޅުގަނޑުމެން ކުރިމައްޗަށް ތަހުގީގުކުރަން ތަހުގީގުމޭޒަށް އެރުވީމާ، ތިޔަބޭފުޅުން ވެގެންދާނީ އިތުރަށް ބޭޒާރެވެ. ކުރީ ދުވަހުވިދާޅުވި މަތީފަރާތް އާދަމްޒާހިރުގެ ގަދަރާއިއަގު ވެއްޓޭނީއެވެ. ރައީސް މައުމޫނައި ހަމައަށް މިވާހަތައް ވެސް ދާނީއެވެ. މުޅި މަޖިލިސްތެރޭގައި ވެސް މިވާހަކަތައް ފެތުރޭނީއެވެ.


އިތުރަށް އަބުރު ފޮރުވަން ބޭނުމިއްޔާ ތިޔަފާޑުގެ ވާހަކަތައް އިތުރަށް ނުދައްކަވާށެވެ. ހުއްޓާލައްވާށެވެ. އަޅުގަނޑު ބުންޏޭކިޔާފައި މި ވާހަކަތައް ތިޔަބޭފުޅާގެ މަތީފަރާތުގައި އަވަހަށް ދަންނަވައި ދެއްވާށެވެ. އިއްޒަތްތެރި މެމްބަރުން ވެސް ތިޔަބޭފުޅުންގެ ސިޔާސީ ލީޑަރުންނަށް އަޅުގަނޑާ ހަވާލާދީ މިވާހަކަތައް ދަންނަވައި ދެއްވާށެވެ. ހެޔޮ ނުވާނެއެވެ. ސިއްރު ނުކުރައްވާށެވެ.


ރާއިދު އަޅުގަނޑައި ކުރިމަތިލައި އެކުރެއްވީ ހަމަ ސުމެއްގެ ކަމެކެވެ. ހިތުން ބޮޑޭ ހެދެންވެގެން ކުރިކަމަކަށް ވެދާނެއެވެ. އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. ދިވެހިރާއްޖޭގެ ލޮބުވެތި ސިފައިން އޭނާ އެ ބަދުނާމު ކުރީއެވެ. އަމިއްލައަށް ފަޅާއަރައި އިތުރަށް ބޭޒަރުވީއެވެ. އަޅުގަނޑާ ކުރެއްވި ސުވާލުތަކަކީ އަދި އެދުވަހު ދެއްކެވި ވާހަކަތަކަކީ އޭނާ ކޮށްގެން ވާނެ ސުވާލުތަކެއް ނޫނެވެ. އޭނާ އެކުރީ ބޭކާރުކަމެކެވެ.


ތިޔަބޭފުޅުންގެ އެތެރޭގައި ހަރުދަނާ ރޭވުންތެރިކަމެއް ނެތްކަން ސާބިތުވެގެން ހިނގައްޖޭ، އަޅުގަނޑު ދެންނެވީމެވެ. އީވާނުގެ މޫނުދެކެން ސަހަރާއަށް ދާން އެނގުނީ ކިހިނެއްތޯ އާއި ސަހަރާއަށް ދިޔައީ ކިހިނެއްތޯ އާއި ސަހަރާއަށް ގޮސްވާހަކަ ދެއްކީ ކޮން ބަޔަކާތޯ އާއި ފޯނުންވާހަކަ ދެއްކީކޮން ބަޔަކާތޯ، ހަލީމު ވެސް އަނެއްކާ ތިޔަ އައްސަވަނީއެވެ. އެއީ މިހާރު ނިމިފައި އޮތްބައެކެވެ. ރާއިދުގެ ވާހަކަތަކުން އިތުރު އެތައްކަމެއް ވަނީ ސާފުވެފައެވެ.


އިތުރަށް ވެސް ބުނަން އޮތީ ސަހަރާއަށް ތިމާގެ މީހުންނާ ގާތްމީހުންގެ މޫނުދެކެން ދިއުމަކީ ސުންނަތެކެވެ. އެއީ ކުރުން ރަނގަޅުކަމެކެވެ. ސަހަރާއަކީ، އެންމެމަތީ ފަންތީންފެށިގެން އެންމެދަށް ފަންތީގެ މީހުންވެސް ދާންޖެހޭތަނެކެވެ. ވަކިމީހަކަށް ނުދެވޭ ގޮތަށް ހުރިތަނެއް ނޫނެވެ. ޢަމުދުން ތިމާއާގާތް މީހަކުމަރު ވެއްޖެނަމަ، އެމީހެއްގެ ޖަނާޒާއަށް ދާންޖެހޭނެއެވެ. މޫނުދެކުން އޮވެއެވެ. ޖަނާޒާގައި ބައިވެރިވުމަކީ، އައުލާކަން ބޮޑުވެގެންވާ ކުރުމުން ސަވާބު ހުރި ސުންނަތެކެވެ. މިވިސްނުމުގައި އަޅުގަނޑު ސަހަރާއަށް ދިޔައީ އެދުވަހު ދޭއްޖެހިއިރު ޓީވީއެމުން ކީޚަބަރުތައް އަޑުއަހާފައެވެ.


އަޅުގަނޑު ވެސް ސަހަރާއަށް ދިޔައީ އެތަނަށް ވަޑައިގެންނެވި މަތީފެންވަރުގެ އިއްޒަތްތެރިން ވެސް ވަޑައިގެންނެވި ބީދައިންނެވެ. މިނޫން އެހެން އެއްވެސް މަގްސަދެއް ނެތިއެވެ. ސަހަރާއިން ބައްދަލުވި އެންމެންނާއި އެއެންމެންނާ ދެއްކިފައިވާ ހުރިހާ ވާހަކަަތައް މުޅިއުމުރަށް ބިމުއަޑީގެ ބިންގަރާސް ގޮޅިއެއްގައި ފުރާނަދާންދެން ބޭއްވިއަސް އަޅުގަނޑަށް ބުނެދޭކަށް ނޭންގޭނެއެވެ.


އަޅުގަނޑާއި ބައްދަލުވި މީހުންނާއި ދެއްކިވާހަކަތައް ތިޔަބަޔާނުގައި މިހާރު ލިޔެވިފައި ފެންނާން އެހުރީއެވެ. ވާހަކަދެކެވިފައި ހުންނާނީ މައްޔިތާއަވަހަށް ވަޅުލުމުގެ މައްޗަށެވެ. މީގެ އިތުރުން އަޅުގަނޑުގެ ހަނދާނުގައި އެހެން އެއްވެސް ވާހަކަތަކެއް ނެތެވެ. ޖަލުގެ ނާމާންކަމާއި އަނދިރީގައި އަޅުގަނޑު ބައިންދައިގެން މަރާލިޔަސް މީނޫންއެއްޗެއް ބުނާކަށް ނޭނގޭނެއެވެ. މިހާ ހިސާބުން ނިމުނީއެވެ. ދެންބުނާނެ ބަހެއްނެތެވެ. ނިމުނީއެވެ! އަލިފްހާ!


އާދެ! ދެންއޮތީ އަޅުގަނޑުގެ އިލްތިމާސެވެ. މިއަދުގެ އިލްތިމާސަކީ، މިއަނިޔާތަކުން އަވަހަށް ސަލާމަތްކޮށް ދިނުމެވެ. އަދި ކުރީ ދުވަހު ތަހުގީގުކުރުމަށް ތިއްބެވި ރާއިދު މެންނަކީ، މިފަދަބޮޑު ތަހުގީގެއް ކުރުމަށް، އަޅުގަނޑު ދެކޭގޮތުގައި ބައިތިއްބައިގެން ވާވަރުގެ ބައެއް ނޫނެވެ.


އެމީހުން އެތިބީ ޖާސޫސުކުރުމާ އެކު މަގުމައްޗާ ހަމައިން ފެއިލްވެފައެވެ. އެއީ އަމިއްލައަށް ބޭޒާރުވެފައި ތިބި ސިފައިންނެވެ. ހަވާލުކުރެވުނު މަސައްކަތުން ބޮޑުތަނުން ފެއިލްވީމާ ޖެހޭނީ މަގާމުން ވީހާއަވަހަށް ދުރުކޮށް ބޭރުކުރާށެވެ. އެމީހުންނާ ހަވާލުކުރެވުނު ވަޒީފާ އެންމެ ފުރިހަމަކޮށް ނުކުރެވުނުތާ އެތިބީ ފަޅާއަރައި އަޅުގަނޑުމެން ކުރިމަތީގައި ރީތިކޮށް އޮރިޔާން ވެފައެވެ. އެދުވަހު ސުވާލުކުރަން އިންނެވި ރާއިދާއި އަނެއްކުއްޖަކީ، މުޅިރަށުތެރޭގައި ޖާސޫސުކުރާށާއި ސިޔާސީ މީސްމީހުންގެ ފަހަތުން، މޫވީކޮށް ފޮޓޯނަގަމުން ދުވިމީހުންނެވެ.


އަޅުގަނޑު ކުރިމަތީގައި އެފަދަ ފެންވަރެއްނެތް ބަޔަކުލައްވާ ސިފައިންގެ ޒިންމާދާރު ވާޖިބުތައް އަދާކުރުވައިގެން ނުވާނެއެވެ. ރާއިދު އަތުގައި އަޅުގަނޑުގެ ފަހަތުންނާއި ކުރިމަތިން ވަގަށް ނަގާފައި ހުރި ބައިވަރުފޮޓޯތައް ހުންނާނެއެވެ. ތިޔަބޭފުޅުންގެ މަތީވެރިޔާ ކަމުގައިވާ، އާދަން ޒާހިރަށް މިވާހަކަތައް އަވަހަށް ދަންނަވާށެވެ.


އެހާދަށް ފެންވަރުގެ ކުދިން، ތިޔަހާ އިސްކޮށް ތަހުގީގު މޭޒުތަކުގައި ގެންގުޅުއްވާތީ އަޅުގަނޑު އަޖައިބު ވެއްޖައީމެވެ. ޖާސޫސުކުރެވޭނީ އެކަމަށް ފުރިހަމަ ޓުރޭނިން ލިބިގެންނެވެ. މިވައްތަރު ނާގާބިލު ފޭކުން ނެރުނީމާ އަމިއްލައަށް ބޭޒާރުވުން ނޫންކަމެއް ނުވާނެއެވެ. އަދި މިކަހަލަ ކަމެއް، އާދަން ޒާހިރާއި އިބްރާހީމް ލަތީފުމެން ކަހަލަ ކިޔަވައިގެން ތިއްބެވި ބޭފުޅުން އިސްކޮށް ތިއްބަވައިގެން ކޮށްފާނެއޭ ދުވަހަކުވެސް ހިތަށް ނާރައެވެ.


މިފަދަ ފެންވަރެއްގައި ތިބި، ޖާސޫސީގުރާޖޯޑެއް ތިޔަބޭފުޅުން އަޅުގަނޑުމެން ޖާސޫސުކުރުމަށް ގެންގުޅުއްވީތީ އަޅުގަނޑު އަޖައިބުވެ އަންތަރީސް ވަމެވެ. އެގުރާޖޯޑު މާލެތެރޭގައި ގަންނަގަނޑު ރީތިކޮށް އަޅުގަނޑު ދަންނަމެވެ. އެހެންވެ މިވާހަކަ މިއަދުގެ އިލްތިމާސެއްގެ ގޮތުގައި ހަމަ ދަންނަވާލީއެވެ. މިހާ ހިސާބަށް އަޅުގަނޑުގެ ވާހަކަތައް ދިއުމުން ހަލީމް އައްސަވައިފިއެވެ.


އެދުވަހު އިލްޔާސް އަތުން ބަޔާނެއް ނެގިތޯއެވެ؟ ވަގުތުން އަޅުގަނޑު ޖަވާބުދިނީމެވެ. އެޖޯޑަށް އަޅުގަނޑު އަތުންނެގޭނެ ބަޔާނެއް ނޯންނާނެއެވެ. އެމީހުން ގަދަބާރުން ބަޔާނެއް ނަގަންއުޅުން ނަމަވެސް އެކަމެއް ނުވީހެވެ. ބަޔާނެއް ނުދޭނަމެވެ. ސޮއެއް ނުކުރާނަމެވެ. ސުވާލުތަކެއް ކޮށް ކޮށްފައި ރުޅިއައިސްގެން އަޅުގަނޑު ފޮނުވާލީއެވެ.


ފަހުން ބަޔާނެއް ނަގަން އޭނައަށް އުޅޭން ނުކެރުނީއެވެ. ނޫނީ އަޅުގަނޑު ދެއްކި ވާހަކަތައް ތިޔަބޭފުޅާގެ މަތީ މީހާ އާ ހަމައަށް ގޮސްގެން ރާއިދު ތަހުގީގު މަސައްކަތުން ބޭރުކުރީ ކަމަށްވުން ވެސް އެކަށީގެން ވެދާނެއެވެ. އޭނާއަކީ ތިޔަބޭފުޅުން ގެންގުޅޭވަރުގެ ސޮރެއްނޫނެވެ.


އަޅުގަނޑަކީ އަބަދުވެސް ޖަލުގައިހުންނައިރު ބައެއް ވިސްނުންތައް ތިޔަބޭފުޅާގެ މަތީވެރިޔާއަށް ވެގެން ވިސްނާއިހަދާ މީހެކެވެ. އަދި ބައެއް ފަހަރު ރައީސް މައުމޫނަށް ވެގެންވެސް ބަންދުގައިތިބި މީހުންނަށް ހަދާނެގޮތަކާ މެދު ވިސްނާހަދަމެވެ. ގައުމަށް ގެނެވޭނެ ރަނގަޅުކަންކަމާ މެދު އަބަދުވެސް އެކަނިހުރެގެން ވިސްނަމެވެ. ސިކުނޑީގައި އަބަދުވެސް އެނބުރެނީ އެކަންކަމެވެ. އޭރުން ޖަލުގައި ހުރުމަކީ އުފަލަކަށް ބަދަލުވެދެއެވެ.


އަދި އޭރުން އަޅުގަނޑާ މެދު އަންނަމުންދާ ހުރަސްތަކުން ގިރާކުރަން ފަސޭހަވެއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ މިވާހަކަތަކަށް ފަހު، ރާއިދަށް މިހާރު އެއުޅުއްވާ ފެންވަރުގައި ނޫޅުއްވޭނެ ހެންނެވެ. ކޮންމެ އަކަސް އަޅުގަނޑު ހުރީ އެޖޯޑަށް ބަޔާނެއް ނުދޭންނިންމައި ގެންނެވެ. މިހާރު މިހުންނަނީ އޭނާފެއްޓި އެބައި ހުއްޓިގެން ދިއުމުން ވަރަށް އުފާކޮށް ކޮށެވެ.


މިވާހަކަތަކަށް ފަހު، ހަލީމް ހެއްދެވި އެއްޗަކީ، އަޅުގަނޑު ދެއްކިވާހަކަތައް ރަފްކޮށް ލިޔެލާފައި ރަފްބަޔާނެއްގެ ގޮތުގައި ސޮއި ކުރުވުމަށް ފަހު ނެރެގުދަނުގައި އަނެއްކާވެސް ބޭންދީއެވެ. އަޅުގަނޑު ރާއިދުމެންނާ ގުޅިގެން ދެއްކި ހުރިހާވާހަކަތަކެއް އެރަފްބަޔާނުގައި ލިޔެފައި ހުއްތެވެ. އަޅުގަނޑު އަވަހަށް ސޮއިކޮށްލީ އެބަޔާން އާދަމް ޒާހިރު އަރިހަށް ހަލީމު ގެންދަވާނެތީއެވެ. ދެން އިރުކޮޅަކަށް ފަހު، ފެރީގެކެޕުޓަން އަނެއްކާވެސް ވެއްދިތަން ފެނުނެވެ. ދެން އިރުކޮޅަކަށް ފަހު، ވެއްދީ އަޅުގަނޑެވެ.


އޭރު ފެރީޑުރައިވަރު އެތެރޭގައި ބައިންދާފައި އިނެވެ. އަޅުގަނޑު މިވެއްދީ، އަޅުގަނޑު އެދިފައި އޮތުމުން، ފެރީކެޕުޓަނާ އެއްހާޒިރު ކުރުމަށެވެ. ފެރީކެޕުޓަނަށް އަޅުގަނޑު ފެނުމާއެކު އޭނާގެމޫނުމައްޗަށް ހިނިތުން ވެރިވެއްޖެއެވެ. ހަލީމް އައްސަވައިފީއެވެ. އިލްޔާސް ބުނަނީކީކޭ ހެއްޔެވެ؟ އެދުވަހުގެ ހައެއްގެ ފެރީދުއްވީ މިއިންނެވި ބޭފުޅާއެވެ.


ދެން އަޅުގަނޑު ދަންނަވައިފީމެވެ. ހަމަގައިމުވެސް އަޅުގަނޑު ހުޅުމާލެއަށް ގެންދިޔައީ މީނާއެވެ. ޔަގީން ވާނީ އޭނަ ހީލީމައެވެ. އަދި އެނާގެދަތްތައް ފެނުނީމައެވެ. އޭނާގެ މެދުދެދަތް ބިނދިފައި ހުންނާތީ، އޭނާ ހީލީމާ ވަރަށްމަޖާ ވާނެއެވެ. ފެންނާނީ ވަރަށް މަޖާކޮށެވެ. އަޅުގަނޑު މިހެންބުނެ ނިމޭއިރަށް އޭނާގާތަށް ވަރަށްބޮޑަށް ހިނިއަތުވެއްއެވެ. އެންމެންނަށް ވެސް ފެރީކެޕްޓަންގެ ހިނިތުންވުމާއި ހީލެއްވުން ފެނުމުން އޭނާ ގެދަތްތައްހުރީ އަޅުގަނޑު ކިޔައިދިން ގޮތަށްކަން ކަށަވަރު ވެއްޖެއެވެ.


އަޅުގަނޑު ދޯންޏަށް އަރުވަންވެގެން ދޯނިދުއްވާލި ފަހުން ދޯނިގެ ފަހަތްކޮޅު ތޮށިގަނޑާ ކައިރިކޮށް ލުމުން ދޯންޏަށް އަޅުގަނޑުއެރީ ތޮށިގަނޑުމަތިން ފުންމާލައިގެން ކަމަށް އަޅުގަނޑު ދެންނެވުމުން ވިސްނާލާފައި ފެރީކެޕުޓަން ބުނުއްވަނީ، ތީގެ ދެމީހުން އުޅޭދޯއެވެ؟ އަނެކަކީ ޕިކަޕްއެދުއްވާ މީހާދޯއެވެ. ދެން އަޅުގަނޑު ތަހުގީގުޓީމަށް ދަންނަވައިފީމެވެ. ކެޕުޓަން އެބުނުއްވަނީ އަޅުގަނޑުގެ ކޮއްކޮ ހަންދުގެ ވާހަކައެވެ.


ދެން ފެރީކެޕުޓަން އާއެކޭ ދަންނަވައި އޭނާ އެދުވަހު ގެންދިއައިމޭ އެންމެންގެ ކުރިމަތީގައި ދަންނަވައިފިއެވެ. އަޅުގަނޑު އެގަޑީގައި ހުޅުމާލެއަށް ގެންދިޔަކަމަށް އެއްބަސް ވެއްޖެއެވެ. އަދި މީގެއިތުރަށް އޭނާބުންޏެވެ. އެހެނަސް އަށެއްގެފެރީ ދުއްވީ ތިމަންނާއެއް ނޫނެވެ. އިލްޔާސް މަލެގެނައީ އެހެންމީހެކެވެ. ތިމަންނާއެއް ނޫނެވެ.


އަދި އެފެރީއަކީ ހަމަތިދޯނި ކަމުން ރޭޑިޔޯ އަޅުވައިދިނީ ވެސް އެދޯނިދުއްވަން އިންމީހާއެވެ. ތިމަންނާއެއް ނޫނެވެ. އިލްޔާސް ތިބުނުއްވާ ޚިތާބެއް އެއްސެވިކަމެއް ތިމަންނާއަކަށް ނޭނގެއެވެ. އެދޯނީގެ ކެޕްޓަން ކައިރިން އެވާހަކަ އައްސަވާށެވެ. ދެން މިއަދުގެ ތަހުގީގު މިހާ ހިސާބުން ނިންމާލީއެވެ. ދެން މެންދުރު، 12:30 ގައި ތިބޭ ބިންގަރާސް ގޮޅިއަށް ގެނެސްވައްދައި އަނެއްކާ ވެސް ތަޅުލީއެވެ.


ހުވަފެނެއްގެ ވާހަކަ:


23 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. ރޭގެ ގަދަނިދީގައި އޮއްވާ ހުވަފެނުގައި ފެންނަނީ އަޅުގަނޑުމެންގޭގައި އަޅުގަނޑު ކުޑައިރު ވެލިއްސަރަށާއި ވާދުއަށްދާން ބައްޕަ ގެންގުޅުއްވި ކުޑަދޯނީގައި ފައްސިޔައަށް ރިޔަލުގައި ވައިއަޅުވާލާފައި ވާދޫކަނޑުގައި ދުއްވާލާފައި އައިސް މާލޭގެ މަގުތަކުގައިވެސް މަޖީދީމަގުން، އޯކިޑްމަގުން އެދޯނިގައި ދުއްވާލާފައި ބާރަށް ދާތަނެވެ. އެންމެންގެ ތާއީދާއި ރުހުމާއިސާބަހާ އެކުގައެވެ. ޓުރެފިކް ލައިޓެއް ކައިރިޔަށް މަޑުކޮށްލިތަނާ އަންހެނުން، ރުކްސާނާގެ ފޯނެއް އައިސްގެން އެފޯނުގެ ޖަވާބުގައި ވަރަށް އަވަހަށް ގެއަށް އާދެވިދާނެހޭ، ކުދިވެރިންނާ ބައްދަލުވެދާނެހޭ ބުނިތަނާ ހޭލެވުނީއެވެ.


މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ މިއީ ވަރަށް މާތް ހުވަފެނެއް ކަމަށެވެ. ނުބުއްވަތުގެ ބައިކުޅަބައި އެކުލެވޭ ހުވަފެނެއް ކަމަށެވެ. ބޮޑެތި ބިރުވެރި ތަހުގީގު މަރްހަލާތައް ނިމިފައި ވަނިކޮށް މިފެނުނު މަންޒަރުތަކުން ސާފުވާއެއްޗަކީ ޝަރީޢަތާ ހަމައަށް ނުގޮސް މިކަންތަކުން ސަލާމަތްވާނެ ކަމެވެ. އަޅުގަނޑުގެ އެންމެބޮޑު ދުޢާއަކީ ވެސް މިއީއެވެ. މިދުޢާ އަކީ މިބަންދުގައި އަބަދުވެސް އަޅުގަނޑު ކުރަމުން ގެންދިޔަ ދުޢާއެކެވެ. މިއަދު ވަރަށް އުފާވެރިއެވެ. މިހުވަފެނުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބުނެވެ.


އާދެ، މި ޙާދިޘާ އަކީ، މުޅި މިކަންތައް ގަނޑަކީ، އަޅުގަނޑުމެން ސިޔާސީގޮތުން ނަގާކިޔާ މީހުންތައް ހިފާހައްޔަރު ކުރުމަށް ބަޔަކު ރާވައިގެން ހިންގި މާސިންގާ ސިޔާސީ ކަންތައް ގަނޑެއްކަން އަޅުގަނޑުގެ ހިތުގައި އަބަދުވެސް ވަޅުޖަހާފައި އޮވެއެވެ. މިވީވެސް ހަމަ އެހެންނެވެ. އަނެއްކާވެސް މިރޭވުންގަނޑު ތެރެއިން ވެރިކަމުގެ އާ ދައުރެއް ކާމިޔާބުކޮށް ލެއްވީއެވެ.


ކަންތައް ވެފައި ހުރި ގޮތަށާއި އަޅުގަނޑައި ރާއިދުމެން ކުރިސުވާލުތަކުން މިއީ އަޅުގަނޑަށް ކަށަވަރު ކުރެވިފައިވާ ހަގީގީކަމެކެވެ. މިއީ ހަގީގަތެއް އެކުލެވޭ ވާހަކައެކެވެ. މިކަން ޔަގީންކޮށް ދެއްވޭނީ މިކަން ރޭއްވެވި އާދަމްޒާހިރަށެވެ. ޖަލުންމީހަކު މަރާލުމާއި ޖަލުގައި ބަޑިޖެހުމަކީ، ޝައްކެތްނެތް ގޮތުގައި ސިޔާސީ ރޭވުންގަނޑެކެވެ. މިޙާދިޘާގެ ފަހަތުގައި ފޮރުވިފައި ވާކަމަކީ ސިޔާސީބޭނުމާއި މަގްސަދަކީ ވެރިކަމަށް އިތުރު ފަސްއަހަރު ނެގުމެވެ. އާދެ، މިއީ ސިޔާސީ ބޮޑުރޭވުމެކެވެ. ސިޔާސީ މަގުސަދުތަކެއް ސިފައިންލައްވާ ހާސިލުކުރީއެވެ!


24 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މިއަދު އުޅެން ޖެހުނީ، ގަޔަށްތަދުވާތީއެވެ. ޚާއްސަކޮށް އޮށޯވެއޮވެފައި އެނދުން ތެދުވާވަގުތު ވަރަށްތަދުވެއެވެ. ކުރާނެކަމެއް ނެތުމުން ކުރަންފެށިކަމަކީ، ހަތްފަހަރު އަލްޙަމްދު ސޫރަތްކިޔާފައި ތަދުވާ ދިމާތަކަށް ތިންފަހަރު ފުމެލަނީއެވެ. އަލްޙަމްދުސޫރަތަކީ ހުރިހާކަމެއްގެ ޝިފާއެވެ. ބޭނުންވަނީ އިޚްލާސްތެރި ނިޔަތެކެވެ.


ނުފުމުވޭ ހިސާބަކަށް ތަދުވާނަމަ، ކަނާއަތަށް ފުމެލާފައި އެއަތުން އެހިސާބެއްގައި ފިރުމާލާ ހަދަނީއެވެ. ދެން ކިޔަވާ އާޔަތަކީ ކުރުސިއެވެ. ކުރުސިވެސް ކިޔަނީ ހަމަމިގޮތަށް، 7 ފަހަރުއެވެ. ނުވަތަ، 11 ފަހަރުއެވެ. ދެން ކިޔާއުޅުނީ އަޅުގަނޑު ކިޔަވަންއުޅުނު ދުވަސްވަރު ދަސްވެފައިވާ، ތަދުވާތަންތަނަށް ކިޔުމަށް ކީރިތި ރަސޫލާ ކިބައިން ސައްހަމަގުން ވާރިދުވެފައިވާ، أعوذ بعزة الله وقدرته من شر ما أجد وأحاذر “އަޢޫޛު ބިޢިޒަތިއްލާހި ވަޤުދްރަތިހީ މިން ޝައްރި މާ އަޖިދު ވައުޙާޛިރު” މިދުޢާއެވެ. ކިޔަނީ، 7 ފަހަރުއެވެ.


ދެންތިންފަހަރު ފުމެލަނީއެވެ. މި ދުޢާ ކިޔަވާނީ ތަދުވާތަނެއްގައި ކަނާއަތުގެ އިނގިލިތައް ޖައްސައިގެންނެވެ. މިކަންކުރަން ފެށިފަހުން، ﷲގެ އިރާދަފުޅުން ތަދުކެނޑެއެވެ. ހަމަޖެހިލައިގެން އުޅެލެވޭވަރު ވެއެވެ. ޝިފާލިބެއެވެ. އަރާމުލިބެއެވެ. ފަހުން އަނެއްކާވެސް ތަދުއެރިމާ ތަކުރާރުކޮށް މިކިޔެވެލީގައި ހިފާއްޓާލަނީއެވެ. ހިތްހަމަޖެހެއެވެ. މިއީ އަޅުގަނޑު ތަޖްރިބާކޮށް ފައިވާ، މުޖައްރަބު ކަމެކެވެ. ތަނަކަށްތަދުވެ ބޭހުގެފަރުވާ ވަގުތުން ލިބެންނެތްނަމަ މިކަންތައް ހެޔޮނިޔަތާއެކު ކުރެއްވުމުން، ﷲ ޝިފާދެއްވާނެއެވެ.


25 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. ރޭގައިނިދާފައި އޮއްވާ، 11:00 އެހާކަންހާއިރު، ގާޑަށްހުރިކަލޭގެ ދޮރުހުޅުވާ ލުމަށްފަހު ޓަކިޖަހާލިތަނާ ހޭލެވުމުން އޭނާ ސަލާންގޮވާލާފައި ބުންޏެވެ. މާދަމާރޯދައަށް ވެއްޖެއެވެ. މިރޭހާރުކާން ގެންނާނީ ކޮންއެއްޗެއް ތޯއެވެ؟


މެންދުރާ ރޭގަނޑަށް ގެންނަގޮތަށް ގެނައުމުން ރަނގަޅުވާނޭ ބުނީމާ އޭނާދިޔައީ ލިސްޓެއް ނަގައިގެންނެވެ. މޭވާގެންނާނީ ރޯދަވީއްލާއިރު ކަމަށް ބުނީމެވެ. ހާރުކެއުމަށް އިތުރު ކުރީ، ޝުގަރފްރީ ޔޯގާޓް ތައްޓެކެވެ. މާލަސްތަކެއް ނުކޮށް ގާޑު މިކަންތައް ނިންމާލާފައި ލިސްޓު ހިފައިގެން ހިނގައްޖެއެވެ.


ކުއްލިއަކަށް ހީކޮށްގެންތިބި ގޮތާޚިލާފަށް ހަނދުފެނުނީމާ، ކުޑަކޮށް އަޖައިބުވިއެވެ. އަޅުގަނޑު މެންނަށް މައުލޫމާތު ލިބިފައި އޮތީ، ރަމަޟާންމަހު އެކަކަށް ވާނީ، 27 ވާ ހޯމަ ކަމަށެވެ. އަޅުގަނޑުމެން ތިބީވެސް މިގޮތަށް ނިންމައިގެންނެވެ. އެހެނަސް މުލަރޯދައަށް މިވީ، 26 ވީއާދީއްތަ ދުވަހެވެ. ދެން ނިދޭގޮތެއް ނުވިއެވެ.


ހާރުކައިގެން ނިދަންނިންމައިގެން ކިޔަވަން އިނީއެވެ. 12 ޖަހައިފިއެވެ. އެކެއް ޖަހައިފިއެވެ. ހާރުކެއުމެއް ނާދެއެވެ. ދެންވެސް ނުނިދާ ހާރުކެއުން ގެނޭތޯ ހޭލާ ކިޔަވަން އިނީއެވެ. ގާޑުކަލޭގެ ހޯދާއިހޯދާ އޭނާވީތަނެއް ނޭނގުނެވެ. ނުފެނުނެވެ. ދޮރުގައި ތަޅައިގެން ވެސް ހިލަމެއްނުވިއެވެ.


މުލަރޯދައަށް ޖަލުހާރުއެއުން ގޯސްވެގެން ޖަލުގެ ދެބުރީގައި ގައިދީން ހަޅުތާލުކުރުން:


މިހެންއިންދާ، ދެގޮލައަކު އައިސް އަޅުގަނޑުގެ ގޮޅީގެ ދޮރުގައި ހުރިބިއްލޫރި ކޮޅުގައި ބޭރުން ތަތްކޮށް ފައިހުރި ކަރުދާސްތައް ވިދާލާއި ނައްޓާލައިފިއެވެ. މިކުދިންތައް ކަރުދާސްތައް ނައްޓާލާފައި އަވަހަށް ނުކުންނާށޭ، ކިޔާފަ އަތުން އިޝާރާތް ކުރަންފަށައި ފިއެވެ. ދެން އެނދުން ތެދުވެގެން އައިސް އަޅުގަނޑު ބުނެފީމެވެ. މަތިން ތަޅުދަނޑި ލިބިގެން ނޫނީ ނުހުޅުވޭނެއެވެ. ދޮރުފަތުގައި އިން ތަޅުގެގޮބު އަނބުރައަނބުރާ ވެސް މިކުދިންނަށް ހުޅުވޭނެގޮތެއް ނުވިއެވެ.


ދެން ދޮތުފަތުގައި ފައިންތަޅަތަލާފައި މިދެކުދިން ޖެނީމެންނާއި ނިއްޓިމެންނާ ވާހަކަތަކެއް ދައްކާހަދާފައި މައްޗަށް އަރައިގެން ހިނގައްޖެއެވެ. ދެން ވެސް އިރުއިރުކޮޅާ އެކިކުދިން މަތިންފައިބާ ހަދައެވެ. އެކިއެކި ތަޅުދަނޑި ފަތިތައް ގެނެސް އަޅުގަނޑުމެންގެ ގޮޅިތަކުގެެ ދޮރުުތައް ހުޅުވޭތޯ ބުރަމަސައްކަތް ކުރަމުން ގެންދެއެވެ.


ބިއްލޫރިކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްތައް ނެއްޓުމުން މިހުރިހާ މަންޒަރެއް އަޅުގަނޑަށް ރީއްޗަށް ފެނެއެވެ. ވެގެން މިއުޅޭގޮތެއް ސާފުވީ އިރުކޮޅެއް ފަހުންނެވެ. މިކުދިވެރިން ބާރުބާރަށް މިވާހަކަތައް ދައްކަން ފެށުމުންނެވެ. މިއީ ހުސް ބަންދުގައި ތިބި ގައިދީންނެވެ. މަތީބުރި، ގްރައުންޑްފްލޯގައި ހުންނަބޮޑު ގޮޅީގައި ތިބި މީހުންނަށް ހާރުކާންގެނެސް ގޮޅިއަށް ވެއްދުމުން، ކެއުންގޯސް ވެގެންނޭ ކިޔާފަ ހަޅުތާލުހަދައި ގާޑުގައިގާ ތަޅައިގަނެ މިވެރިން ގޮޅިން ނުކުމެ ދެންހުރި ގޮޅިތަކުގެ މީހުން ގޮޅިތަކުން ނެރުނީއެވެ.


ތިރީބުރި، ބިންގަރާސް ގޮޅިތަކުގެ ތަޅުދަނޑިތައް މިވެރިންނަށް އުޅެއުޅެވެސް ނުފެނުނީއެވެ. މަތީގައި ތިބި ހުރިހާ ކުށްވެރިން ދޮރުތައް ހުޅުވައިގެން ތިބީ ނެރެފައެވެ. ކާންދޭންހުޅުވި ވަގުތުތަޅުދަނޑި ފަތިވެސް ދަމައިގަތީއެވެ. އެއަށް ފަހު މިދެބައި ގައިދީންގެ ކޮންޓްރޯލް ދަށަށް ގެނައީއެވެ.


ތިރީގޮޅިތަކުގެ ތަޅުދަނޑިފަތި ނުފެނިގެން ބިންގަރާހުން އެކަކަށް ވެސް ނުކުމެވޭގޮތެއް ނުވިއެވެ. މި ގައިދީންތައް އިރުއިރުކޮޅައި ތިރިއަށް އައިސް ވާހަކަދައްކާއި އެކިއެއްޗެހި ދީ ހެދިއެވެ. މިގޮތަށް ދޭއްޖެހީއްސުރެ ތިންގަޑިބަޔަށްވުރެ ބޮޑުވަންދެން މިވެރިން މިތާތެރޭގައި ރަސްކަންކޮށް އުޅުނެވެ. އެއްވެސް ސިފައިންގެ ބޭކަލެއް ނުފެނެއެވެ. ސިފައިން މަސައްކަތް ކުރަމުންގެންދަނީ މިވެރިންނާ ވާހަކަ ދައްކައިގެން ގޮޅިއަށް އަނބުރާ ލެވޭތޯއެވެ. ސިފައިންގެ މަސައްކަތުން މިވެރިން ގޮޅިތަކަށް ވައްދާއި އަޅުގަނޑު މެންނާ ބަހެއް ބުނެވޭވަރުވީ ފަތިހު ހަތަރެއް ޖެހިފަހުންނެވެ.


ހާރަށް ކާނެއެއްޗެއް ގެނެވޭވަރުވީ ފަހެއްޖަހަން ފަނަރަވީ ފަހުންނެވެ. އަޅުގަނޑަށް ގެނެސް ދިނީ އޮފިސަރުންގެ ކެއުމެވެ. ވަރަށް ރަނގަޅަށް ހުއްޓެވެ. އޮރެންޖަކާއި އާފަލެއްވެސް އޮތެވެ. ކައިނިމުނުއިރު ބަންގިގޮވާ ނިމެނީއެވެ. އަޅުގަނޑު ހެދިގޮތަކީ ބަންގީގެކުރިން ހާރުކާންފެށިފައި ވުމުން ރަނގަޅަށް ހަމަޖެހިގެން އިނދެ ކައި ނިންމާލީއެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ މިހާލަތުގައި ހުއްދަކަމެކެވެ. ހާރުކައި ނިމިގެން ވުޟޫއުކޮށް ފަތިސްނަމާދު ކޮށްގެން ނިދަން އޮށޯތީއެވެ. ފުރަތަމަ ރޯދައަށް ފަށައިގަނެވުނީ މިފަދަހާލެއްގައެވެ.


26 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރޭގައިހާރު ކައިނިމުނީ ބަންގިއަސް ފަހުގައެވެ. މިއަދަކީ މުލަރޯދަ ދުވަހެވެ. ބަޑުފައިވާ ގޮތެއް ނުވެއެވެ. ކިޔަވާއި ނަމާދުކޮށް ހަދާލުމުން މިއަދު ދިޔަގޮތްވެސް ނޭނގުނެވެ.


ރޯދަވީއްލުން ބަންގީގެ ފަސްމިނެޓްކުރިން ގެނެސް ގޮޅިއަށް ވެއްދީމާއި ރޯދަވީއްލަން ޖެހުނީ ގާޑުކަލޭގެ އައިސް ބުނުމުންނެވެ. ބަންގީގެ އަޑެއްބަޑެއް ބިންގަރާހަކަށް ނީވެއެވެ. ފާޑަކަށް ސައުންޑްޕްރޫފް ގޮޅިއެކެވެ. ނަމާދު ވަގުތުވެސް ބަލަނީ އަންދާޒާއަށް ގަޑިންނެވެ. ރޯދަވީއްލުން ގެނެސްފައި ހުރިލެއް ވަރަށް ރަނގަޅެވެ. ހިތްހަމަޖެހުނެވެ.


27 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ކިޔަވަން ގޮޅީގައި އިނީއެވެ. ޢިޝާނަމަދަށް ފަހު ތަރާވީޙު ނަމާދު ކުރަމެވެ. ކުރަނީ ދެރަކްޢަތްދެރަކްޢަތުން ސަލާމްދީ އަލުންފަށާ ގޮތަށް، 8 ރަކްޢަތެވެ. ދެން ވިތުރިއެވެ. ވިތުރިއަށް ތިންރަކުއަތް ކުރަމެވެ. ބައެއް ރޭރޭ އެރަކްޢަތް ޤުނޫތާއެކު ކިޔައި ނިންމާލަނީއެވެ.


28 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ރޭގަނޑު ތަރާވީހް ނަމަދު ނިންމާލައިގެން ކާއްޑަ އާއި ޖެނީ އާއި އަޅުގަނޑާއި ނިއްޓިއާ އެންމެން ވާހަކަދައްކަން ތިއްބާ، ގާޑަކު އައިސް މިރޭ، 10:30 އަށް އަޅުގަނޑާއި ޖެނީއާދެމިހުންނަށް ތަހުގީގަށް ވެލާނާގެއަށް ދިއުމަށް ތައްޔާރުވެގެން ތިބުމަށް އަންގައިފިއެވެ.


ބަރާބަރު އެގަޑިއަށް އަޅުގަނޑުމެން ދެމީހުން ބަލާ އަތުވެއްޖެއެވެ. ގޮޅިންނެރެގެން ސިފައިންގެ ޖީޕެއްގެ ފަހަތުސީޓުގެ ބިއްދަށުގައި އިންނަ ކުޑަދެސީޓަށް ޖީޕުގެފަހަތުދޮރު ހުޅުވާފައި އަޅުގަނޑާއި ޖެނީ އާ ދެމީހުން އެރުވައިފިއެވެ. ޑުރައިވަރު ކައިރިއަށާއި ޖީޕްގައިދެންހުރި ފަހަތު ސީޓަށްއެރީ ސިފައިންނެވެ.


އަޅުގަނޑާއި ޖެނީއާ ދެމީހުން ހަމަޖެހިލައިގެން ވާހަކަދައްކަން ތިއްބާ، ވެލާނާގެއަށް ގެނެސް ބާލައިފިއެވެ. މިރޭ ގުދަނަށް ނުވައްދާ ގެންގޮސް ވެއްދީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާގައި އެކަކުވެސް ނެތެވެ. ހުރީ ހުހަށެވެ. އަޅުގަނޑާއި ޖެނީއާ އެކޮޓަރީގައި ބައިތިއްބާފައި ނަޢީމް ހިންގައެޖެއެވެ. ތަންކޮޅެއް ލުއިވީއެވެ. ދެން ދެމީހުންގެ ވާހަކައިގައި ތިބީއެވެ.


ވާހަކަ ދެއްކުން ވެސް މަނަލެއްނޫނެވެ. ބޭނުންވަރަކަށް ދައްކަންވީއެވެ. އޮތީ ހުޅުވިފައެވެ. ކައިރީގައި ގާޑަކު ވެސް ނެތެވެ. ވަރަށް މަޖަލެވެ. ލޯތްބެވެ!! މިރޭ އަޅުގަނޑުމެން ދެމީހުންނަށް، ކަންތައް މިކުރަނީ ވަރަށް ރަނގަޅަށެވެ. އަޅުގަނޑުމެން ބޭނުންވަރަކަށް އެކަކުއަނެކަކަށް ވާހަކަދައްކަން އޮތީ ދޫކޮށް ލާފައެވެ. އެހެން ފަހަރުތަކުހެން މަނާކަންތަކެއް ނެތެވެ. މިކޮޓަރި ހުރީ އެއަރކޯން ޖައްސާފައެވެ. ފިނިކޮށެވެ. ހަމަހިމޭން މަޖާ، އަދި އުފާވެރި ވަގުތު ކޮޅެކެވެ.


ފުރަތަމަ ތަހުގީގަށް ވެއްދީ، އަޅުގަނޑެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 3 ނަމްބަރު ތަހުގީގުކޮޓަރި އަށެވެ. ތަހުގީގު މޭޒުގައި އިސްކޮށް އިންނެވީ ހަލީމް އާއެކުގައި މިތަހުގީގުގައި އިސްކޮށް އުޅުއްވާ ލޯޔަރ ބަޝީރެވެ. ދެން ތިއްބެވީ، އެފެންވަރުގެ އިތުރު ދެސިފައިންނެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ނ.އަތޮޅު މެންބަރު އަލިބެ އާއި ގދ.އަތޮޅު މެމްބަރު އިއްޒަތު ސިދްގީއެވެ.


ދެން ބަންޑާރަނައިބު އޮފީހުން އަލަށް މިރެއަށް އެކަނިފެނުނު ބޭފުޅެކެވެ. މީނާއަކި ވަރަށް މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވި ޢަރަބިބަހާއި އެހެން ބައެއްބަސްތައް ވެސް ދެނެލައްވާ ބޭފުޅެކެވެ. މިސްރުގައި ކިޔަވާވިދާޅުވަން އުޅުއްވިކަމަށް ވެއެވެ. އަދި ޤުރްއާން ހިތުދަސް ބޭފުޅެކެވެ. ވާހަކަދެއްކެވުމުގައި އަޅައިގަންނަ ކަހަލަ ކުޑައުނދަގޫ ގޮތެއްހުންނަ ބޭފުޅެކެވެ. މިބޭފުޅާ އަޅުގަނޑު ވަރަށް ރަނގަޅަށް ދަނެއެވެ. އެހެނަސް އަޅުގަނޑު މިބޭފުޅާ މީގެ ކުރިން ނުދަންނަމެވެ. މިއީ ފުރަތަމަ ފަހަރު ފެނުމެވެ.


މިވާހަކަތައް ލިބުނީ ސިފައިންގެ ފަރާތުންނެވެ. އަޅުގަނޑަށް ބުނެދިނީ މިބޭފުޅަކީ، އައްޑުއަތޮޅު ހުޅުދޫ، އަލްއުސްތާޒް އަބްދު ﷲ ސަޢީދު ކަމަށެވެ. ތަހުގީގު ކޮޓަރިއަށް ވަދެ ހަމަޖެހުމުން، ބަޝީރު އަޅުގަނޑުގާތުން އެއްސެވީ އިލްޔާސް އިތުރަށް ވިދާޅުވާނެ އެއްޗެއް އެބައޮތް ތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ތަހުގީގުޓީމު ބަދަލުވެފައި އޮތިމާ ތިޔައިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ބަޔާންތައް ވިދާޅުވެލައްވަން ލިބިފައި ނެތިއްޔާ މިހާތަނަށް ދެކެވުނު ވާހަކަތަކެއް އަދި ވީނުވީއެއް އެނގިއެއް ނުލައްވާނެއެވެ.


މިރޭގެ ތަހުގީގުން ހަލީމު ފެންނާކަށް ނެތެވެ. އެހެނަސް ބަޝީރު އިންނެވީމާ މާގިނަ ވާހަކަތަކެއް އަޅުގަނޑު ނުދެއްކިޔަސް ފަރުޖެހި ދާނެއެވެ. ހަލީމާއި ބަޝީރަކީ، އަޅުގަނޑުގެ މިތަހުގީގު ފެށުނީއްސުރެ އިސްވެ ތިއްބަވައިގެން ހިންގެވި ދެބޭފުޅުންނެވެ.


އަދި މުޅިތަހުގީގު ހިންގެވީ މިދެބޭފުޅުންނެވެ. މިމައުލޫމާތު އަލަށް ވަޑައިގެންނެވި ބޭފުޅުންނަށް ދެންނެވުމަށް ފަހު އަޅުގަނޑުގެ ވާހަކަ ފަށައިގަތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އުސްތާޒު އަބްދު ﷲ ސަޢީދު އާ މުޚާޠަބުކޮށް އަޅުގަނޑު ދެންނެވީމެވެ. ތިޔައިއްޒަތް ތެރިންގެ މައުލޫމާތަށް ދަންނަވަމެވެ.


އަޅުގަނޑު މިހާރު މިހުރީ ބަންދުގައި ބަހައްޓައިގެން މިގޮތަށް ތަޅުވަމުން ގެންގޮސް ބޮޑު އަނިޔާއަކަށް ބަދަލުވެފައެވެ. ހުންނަނީ ބިންގަރާހުގައި ހުންނަ ގޮޅިއެއްގައި ބަންދުކޮށްފައެވެ. ދުނިޔޭގެ ވައިރޯޅިއެއް، އިރުގެއަލިކަމެއް އެގޮޅިއަކަށް ނުލިބެއެވެ. ހުރިހާދިމާއަކުން ހުންނަނީ ބަންދުވެފައެވެ. ދެން ހުންނަނީ ބުލޯވަރަކުން އާވިވައި ފުނުވާފައެވެ. ދުނިޔޭގައި ވާނުވާއެއް ނޭނގެއެވެ. މިހާލުގައި އިނދެ އަޅުގަނޑު މިހުރީ މުޅިންހަލާކު ވެފައެވެ. މުޅި ހަށިގަނޑުގައި ރިހެއެވެ. ދެފަޔާއި ދެއަތް ތަކުރާރުކޮށް އައްސިވެއެވެ.


އެނދާދިމާ މަތީގައި ހަރުކޮށް ފައިހުންނަ ސީސީޓިވީ ކެމެރާއިން މި ހުރިހާމަންޒަރެއް ސިފައިން މޮނިޓަރކޮށް ބަލަމުން ގެންދެއެވެ. އެހެނަސް އަޅުގަނޑު އުޅެމުން ގެންދާ ހާލާ މެދު އެއްފަހަރު ވެސް ސުވާލުކޮށް ލާފައެއް ނެތެވެ. ހަމްދަރުދީ ފާޅުކޮށްފައެއް ނެތެވެ. ބަލަނީ އިތުރަށް އަނިޔާ ކުރެވޭ ތޯއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑު މަރާލާށެވެ! ކޮންޓްރޯލް ރޫމްގައި ތިއްބަވާ ސިފައިންނަށް މިކަން ސާފުކޮށް އެނގޭނެއެވެ.


ދެފަހަރެއްގައި ގޮޅިތެރެއަށް މިހާރު ވެއްޓިއްޖެއެވެ. އެއްގޮތަކަށް ވެސް އަޅުގަނޑަށް ފަރުވާއެއް ނުދެއެވެ. އެމީހުން މި މަންޒަރުތައް ބަލާފައި ނަގަނީ މަޖަލެވެ. ހީހީފާއި މަލާމަތްކުރާކަން އަޅުގަނޑަށް ވަނީ އެނގިފައެވެ. ބައެއްގާޑުން މިވާހަކަ ދައްކައެވެ. އަޅުގަނޑު ގޮޅީގެ ރެކޯޑިންތައް ބަހައްޓާފައި ހުރިއްޔާ ތިޔަބޭފުޅުން، އެސީޑީތައް ގެނެސްގެން ބައްލަވާށެވެ. އޭރުން އަޅުގަނޑު މިހަދަނީ ދޮގުނޫންކަން ސާފުކޮށް އެނގިވާވަޑައި ގަންނަނެއެވެ.


މިއީ އަޅުގަނޑަށް ގަސްދުގައިދޭ އަނިޔާތަކެއްކަން ކަށަވަރެވެ. އެއްވެސް ކަމެއްސާބިތެއް ނުކުރެވުނެވެ. އަޅުވައިގެން އުޅެނީ ދޮގުތުހުމަތު ތަކެކެވެ. މާލެ ތެރޭގައި ހަމަނުޖެހުން އުފެއްދި މީހުންގެ ތެރޭގައި އިސްކޮށް އަޅުގަނޑު ހުރިކަމަށް ފޮޓޯއިން ފެންނަންހުރި ކަމަށް ތަހުގީގުގައި ބުނެހެދިއެވެ. އެހެނަސް އެބުނާ ފޮޓޯއެއް އަޅުގަނޑަށް ދައްކާއި ސުވާލުކޮށް ހަދާފައެއް ނެތެވެ. މިތަނުގައި ބަހައްޓައިގެން މުޅިންވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރީ ބޮޑެތި އަނިޔާއެވެ. ޒަމީރުކަތިލަނީއެވެ. މިއީ ގަސްދުގައި އަޅުގަނޑަށް ދައްކާއަނިޔާއެވެ.


ފަހެ، ގަސްދުގައި އިންސާނަކަށް އަނިޔާކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. މިކަން ޢަރަބި ކަރައިން ކިޔަވާވިދާޅުވެގެން ތިއްބެވި ހާފިޒުންނާއި އުސްތާޒުން ދަންނާނެކަން ކަށަވަރެވެ. އަޅުގަނޑު ކިޔައިދޭކަށް ނުޖެހޭނެއެވެ. އަޅުގަނޑާ ކުރެވުނު ތުހުމަތުން އަޅުގަނޑު ބަރީއަވެއްޖެކަން ތަހުގީގަށް ސާބިތުވި ހިނދުން ފެށިގެން އަޅުގަނޑު މިފަދަ ގަދަަވޭނާއި އަނިޔާގައި ބަހައްޓަވައިގެން ނުވާނެއެވެ. އަޅޭތިޔައިން ބޭފުލަކު މިކަން ދޮގުކުރައްވަން ކެރިވަޑައި ގަންނަވާނަމަ، ބަސްފުޅެއް ވިދާޅުވެ ބައްލަވާށެވެ. މިހާރު ތިޔަ ކުރައްވާ ކަމަކީ، ގަސްދުގައި މީހަކަށް އަނިޔާ ދިނުމެވެ.


ފަހެ، ކުށެއްނެތް މީހަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ކުށެއްނެތް މީހަކަށް ގަސްދުގައި އަނިޔާކުރުމަކީ ސީދާފާފަ ކުރުމެވެ. އަވަހަށް އަޅުގަނޑު މިނިވަންކޮށް ދޫކޮއްލަ ދެއްވާށެވެ. މީގެއިތުރުން އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތެވެ. ދެން އިތުރުވާހަކަތައް ތިޔަބަޔާނުން ސާފުވެ އެނގިވަޑައިގަންނަ ވާނެއެވެ. 20 ސެޕްޓެމްބަރު ވަނަ ދުވަހު މާލެތެރޭގައި ހިންގި ހަމަނުޖެހުމުގައި އަޅުގަނޑުގެ އަތެއްނުވާނެކަން ޔަގީނެވެ.


އެވަގުތު އަޅުގަނޑު މާލޭގައި ނެތީމެވެ. މާލެތެރޭގައި ގެއްލުން ދީފައިހުރި ތަންތަން އޭގެފަހުން، އަދި މިހާތަނަށް އަޅުގަނޑުގެ ލޮލުން ނުދެކެވެ. އެއިންތަނަކަށް ގެއްލުންދީފައި ހުއްޓާމިއަދާ ހަމައަށް އަޅުގަނޑު ދެކިފައެއް ނުވާނެއެވެ. 20 ވަނަ ދުވަހު ހުޅުމާލޭގައި ހުރެފައި މާލެއައިގޮތަށް ގޭގައިހުރެފައި އަނެއް ދުވަހު އޮފީހަށް ދިޔަގޮތަށް އަޅުގަނޑު ގެނެސް މިހުރީ ބިންގަރާހު ގޮޅިއެއްގައި ބަންދުކޮށް ފައެވެ.


ދެން މިގެންނަނީ ތަހުގީގުކުރަން ވެލާނާގެއަށެވެ. މިނޫންވާހަކައެއް އަޅުގަނޑު ދަންނަވާކަށް ނެތެވެ. ހުރިހާވާހަކައެއް ނިމުނީއެވެ. ދެން މިހާ ހިސާބުން ތަހުގީގު ނިންމާލީއެވެ. ދެން އަޅުގަނޑާއި ޖެނީ ސިފައިންގެ ޖީޕެއްގައި ގެނެސް ތިބޭ ގޮޅިތަކަށްލައި ތަޅުލީ ރޭގަނޑު، 11:45 އެހާކަންހާ އިރުގައެވެ.


29 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ގޮޅީގައި ކިޔަވަން އިނީއެވެ.


30 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު ކާއްޑަ އެއްޗިއްސާއެކު ނެރެގެން ކ.މާފުއްޓަށް ގެންދިޔަތަން ފެނުނެވެ. އޭނާ ދަމުންދިޔައީ ހަޅޭލަވައި ގެންދަނީކަން އަޅުގަނޑު މެންނަށް އިއުލާނުކޮށް އަންގާފައެވެ. ކާއްޑަ ގެންދިޔަފަހުން ގޮޅިތަކުތެރޭގައި އަޑުމަޑުވެ ވަރަށް ފޫހިވާގޮތް ވެއްޖެއެވެ.


ކާއްޑަ އަކީ އަބަދުވެސް އެންމެންނަށް ގޮވާއި ވާހަކަދައްކާ ހަދާމީހެކެވެ. އަޅުގަނޑުމެން، 3 މީހުން އެކަނިވީއެވެ. މިކަމާ، ނިއްޓި އާއި ޖެނީވެސް ދެރަވިއެވެ. އަޅުގަނޑު ވެސް ފޫހިވެ ދެރަވިއެވެ. މަޖާ މީހަކު ގެއްލުނީމައެވެ. ދޮރުފަތުގެ ދަށުން، ގުދުވެފައި ބާރަށް އެއްޗެކޭ ބުނީމާ ނިއްޓިއަށް ސާފުކޮށް އިވެއެވެ. ރަނގަޅު ފޯރިންތިބޭ ވަގުތުތަކުގައި އަޅުގަނޑުމެން މިގޮތަށް ވާހަކަދެއްކިޔަސް އަޅައެއް ނުލައެވެ. ކޮންޓުރޯލް ރޫމުން ވެސް ޝަކުވާއެއް ނާދެއެވެ.


ޖެނީ އާއި އަޅުގަނޑުމެން ތިންމީހުން ވާހަކަދައްކަނީ މިގޮތަށެވެ. ކާއްޑަ ގެންދިއުމުން އަޅުގަނޑުމެންގެ ގުޅުންތައް ކުޑަވިއެވެ. ކާއްޑަ ހުރީ، 7 ނަމްބަރު ގޮޅީގައެވެ. މިގޮޅިހުންނަނީ އަޅުގަނޑު ހުންނަގޮޅީގެ ފާރުން އެއްއިން ވެފައެވެ. އެހެންވެ ކާއްޑަ އާއި އަޅުގަނޑާ ވަރަށް ފަސޭހައިން ގުޅެއެވެ. ދެން އެހެން މީހުންނާއި ކާއްޑައާ ވަރަށް ފަސޭހައިން ގުޅެއެވެ. އެމީހުންތިބޭ ގޮޅިތަކުގައި ހުންނަނީ ދަނގަޑުތޭރި ދޮރުފަތެވެ. އެކަކު އަނެކަކު ފެންނަގޮތަށެވެ. ކާއްޑަ އާދައިގެ ވަރަކަށް ބާރަށް ވާހަކަދެއްކީމާ ސާފުކޮށް އަޅުގަނޑަށް ފަސޭހަކަމާއެކު ނަގައިގަނެވެއެވެ. ކާއްޑައަށް އެހެން މީހުންނާ ބަރާބަރަށް ވާހަކަ ދެއްކެއެވެ.


31 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.


1 ނޮވެމްބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ފިނިވި ދުވަހެކެވެ. ހީވަނީ ވާރޭވެހޭ ދުވަހެއް ހެނެވެ. މިގޮޅިތަކަށް ވާރޭވެހޭކަން އެނގެނީ ފިނިބޮޑު ވީމައެވެ. ނޫނީގާޑުން ބުނެދިނީމައެވެ. ފިނިވީމާ އަޅުގަނޑުގެ އުނަގަނޑަށް އަރާތަދު ބޮޑުވެއެވެ. ކޮއްޅަށް ހުންނަން އުނދަގޫވެއެވެ.


އަޅުގަނޑު އުޅޭގޮތްތައް ކޮންޓްރޯލްރޫމުން ބަލާފައި އެކުދިން އެވާހަކަތައް ދައްކާކަމަށް ގާޑުން ބައެއް ފަހަރު ބުނެލާހަދައެވެ. ހަމްދަރުދީވާ ގާޑުން މިވާހަކަތައް އަންގާލާ ހަދައެވެ. އެހެނަސް ދުވަހަކުވެސް ތަހުގީގުން މިކަމާ ސުވާލެއްކޮށް އަޅުގަނޑަށް ފަރުވާއެއްދޭން ވިސްނާފައެއް ނެތެވެ. ތަހުގީގު އޮންނަ ކޮންމެ ދުވަހަކު އިލްތިމާސެއްގެ ގޮތުގައި މިވާހަކަތައް ދަންނަވަމުން ގެންދާއިރު ވެސް އަޅައެއް ނުލައެވެ. މިއީ ޖަނަވާރުކަން ބޮޑުބައެކެވެ. އިންސާނީވަންތަކަން ނެތް ބައެކެވެ.


މިތާ މިތިބޭ ސިފައިންނަކީ ވަރަށް ޖަނަވާރު ބައެކެވެ. އިންސާނިއްޔަތަށް ވިސްނާބައެއްނޫނެވެ. ދެރަވެހަމްދަރުދީވާން ދަންނަބައެއް ނޫނެވެ. ދެފަހަރެއްގެ މަތިން، ބެލެންސް ގެއްލިގެން އަޅުގަނޑު ގޮޅިތެރެއަށް ވެއްޓުނެވެ. ހަމަޔަގީނުންވެސް މިކަންތައް ރެކޯޑް ކުރެވިފައި ހުންނަން ޖެހޭނެއެވެ. އެއްދުވަހަކު އަޅުގަނޑަށް އެއްޗެއް ދޭންވެގެން ވައްތީނި ގޮޅީގެދޮރު ހުޅުވާލެއްވި ދުވަހަކު އަޅުގަނޑުގެ ހާލު އައްސަވާ ލެއްވުމަށް ފަހު، އެއީ ތެދެއްހޭ އިލްޔާސް ގޮޅީތެރެއަށް ވެއްޓުނުހޭ އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ ތެދެކެވެ.


ބައެއްދުވަހު މިއުޅެންޖެހެނީ ވަރަށް ހާލުގައެވެ. އެކަމާ ތަހުގީގުގައި ތިއްބަވާ ބޭފުޅުން އަޅައެއް ނުލައްވައެވެ. އަޅުގަނޑު ދައްކާވާހަކަތައް އިވޭކަމަށް ވެސް ނުހައްދަވައެވެ. އެމީހުން ކުރިޔަށް ގެންދަނީ އެމީހުންކުރާ ތަހުގީގުގެ ކަންތަކެވެ. ދައްކާހަދަނީ އެކަމުގެ ވާހަކައެވެ.


2 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. މިއަދަކީ ވެސް ފިނިބޮޑު ދުވަހެކެވެ. އެއްފަހަރަކު އެނދުން ތެދުވިތަނާ އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. އެހެނަސް ފާރުގައި އަތްޖައްސާލެވުމުން ނުވެއްޓި ސަލާމަތްވީއެވެ.


3 ނޮވެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. މިއަދަކީ ނަޞްރުގެ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ބަންދު ދުވަހަކަސް ހެދުނު، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ގާޑު އައިސް އެންގުމުން އަޅުގަނޑު ހުރީ އަތުގައި އޮތް ޖިންސްލައިގެން ތައްޔާރު ވެގެންނެވެ. މާދަމާއަކީ މިފަހަރު ބަންދުކުރިތާ، 45 ދުވަސް ހަމަވާ ދުވަހެވެ.


މިއަދު އަވަސް އަރުވާލާފައި މި ނެރެނީ އަޅުގަނޑާގުޅޭ ހުރިހާކަމެއް ނިންމާލަން ކަމަށް ލަފާކުރެވުނެވެ. އާންމުކޮށް މިހެންހަދަނީ ދޫކޮށްލާ މީހުންނަށެވެ. 45 ދުވަހަށް ވުރެއިތުރަށް ބަހައްޓާނަމަ އަވަސްއަރުވާލާފައި ހުރިހާކަމެއް ނިންމާކަށް ނޫޅޭނެއެވެ. ދިގުދަންމާލާގޮތަށް ބަހައްޓާފައި ހުންނާނީއެވެ. އުޅޭނީ ހުރިގޮތަށް ބެހެއްޓޭ ތޯއެވެ. އެއްވެސް ކަމެއް އަވަސްކޮށް، ބަންދު ދުވަސް ތަކުގައި ވެސް ނެރެއެއް ނުހަދާނެއެވެ. މިއީ ރަނގަޅު ސިގްނަލެކެވެ. ރަނގަޅުގޮތެއް ވާންއުޅެނީ ކަމުގެ އުންމީދު ބޮޑެވެ.


ދެން، އަވަހަށް މިނިވަންވޭތޯ ދުޢާކުރަން އިންދާ، 10 ޖެހުމުން ވެލާނާގެއަށް ގެންދިއުމަށް ނެރެން އަތުވެއްޖެއެވެ. ސިފައިންގެ ޖީޕަކަށްް ލައިގެން ގެންގޮސް ވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. ތަހުގީގު ޓީމަކަށް ތިއްބެވީ، ހަލީމާއި ބަޝީރާއި ރައްޔިތުންގެ މަޖިލީހުން ދ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ އިސްމާޢީލް ޒާހިރާއި ހއ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ ކެލާނިޒާމާއި ސްޓޭޓް އެޓަރނީއެއް ކަމުގައިވާ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންހިކިކޮށް ހުންނަބޭފުޅާއެވެ. ހަލީމް ކުރިމަތީގައި ޓައިޕްކޮށް ފައިހުރި ބަޔާންތައް ވެސް ފެންނަން ހުއްޓެވެ. މިކަންތައްގަނޑު ނިންމާލަން އުޅެނީކަން އަޅުގަނޑަށް ޔަގީނާގާތަށް ލަފާކުރެވިއްޖެއެވެ.


ވަދެ އަޅުގަނޑު ހަމަޖެހިލާއިރަށް ހަލީމް ވިދާޅު ވެއްޖެއެވެ. މިގެނައީ ބަޔާންތަކުގައި ސޮއިކޮށްލުވާށެވެ. މިއީ އަސްލު ބަޔާންތަކެވެ. މިއޮތީ އިލްޔާސްގެ ބަޔާނުގެ، 4 އަސްލުކޮޕީ ހަދާފައެވެ. މިހަތަރުކޮޕީގައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލައްވާށޭ ކިޔާފައި އަޅުގަނޑުއަތަށް އެބަޔާންތައް ދެއްވީއެވެ.


ބަޔާންއޮތީ ކޮންޕިއުޓަރުން ލިޔެގެން ގެނެސްފައެވެ. ރަފްބަޔާންތަކުގައި ހުރިވާހަކަ ތަކަށް ވާތީ ކޮށާމަށާކަށް ނުޖެހުނެވެ. ކިޔާލުމަށް ފަހު، ސޮއިކުރަންޖެހޭ ހުރިހާތަނެއްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ޖެހޭ ހުރިހާ ތަނެއްގައި ބޮޑުވައި އިނގިލީގެ ނިޝާންތިއްބައި ވަރަށް އަވަހަށް ނިންމާލައިފީމެވެ.


އަޅުގަނޑުގެ އިލްތިމާސެއް އެބައޮތޭ، އައްސަވާލަދެއްވާށޭ ދެންނެވީމައި ހަލީމް ވިދާޅުވެއްޖެއެވެ. އިލްޔާސް ބުނަންބޭނުން އެއްޗެއް ބުނާށެވެ. ދެން އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ލިބެމުންމިދާ ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތަކުން އަޅުގަނޑު މިއަދުން މިއަދަށް ސަލާމަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑަށް ތިޔަދެއްވާ އަނިޔާތަކުން ތިޔަބޭފުޅުން މިހާރުފާފަވެރި ވާނެއެވެ.


ކުށެއްނެތް މީހަކަށް އަނިޔާކުރުމަކީ ފާފަވެރި ވާނެޢަމަލެކެވެ. ކުރީދުވަހު ވަރަށް ތަފްސީލުކޮށް އެޓަރނީން ވަޑައިގެންނެވި، އުސްތާޒު އަބްދު ﷲ ސަޢީދު އަރިހުގައި މިވާހަކަތައް ވާނީ ތަފްސީލުކޮށް އަޅުގަނޑު ދައްކާފައެވެ. އަޅުގަނޑު ގަބޫލްކުރީ، އެބޭފުޅާއަށް މިވާހަކަތައް ވަރަށް ރަނގަޅަށް ފަހުމްވެވަޑައި ގަންނަވާނެ ކަމަށެވެ. ފަހަރުގައި މިއީއޭގެ އަސަރުތައް ކަމުގައިވެސް ވެދާނެއެވެ. އެއީ ވަރަށް ރަނގަޅުބޭފުޅެކެވެ. އެހެންވެއްޖެނަމަ، ﷲއަށް ޝުކުރު ދަންނަވަމެވެ! އަހުރެން ގަބޫލުކުރަނީ ޝަރީޢަތަށް ފޮނުވޭން ނެތަކަމަށް ނިންމެވީ އުސްތާޒު އަބްދު ﷲ ސަޢީދުކަމަށެވެ!


އުސްތާޒު އަބްދު ﷲ ސަޢީދު
އުސްތާޒު އަބްދު ﷲ ސަޢީދު

އަދި ކިހާދުވަހަކު މިއަނިޔާގައި، މިޢަޛާބުގައި އަޅުގަނޑު ބައިންދާނަންތޯ ސުވާލުކުރީމެވެ؟ ދެން ހަލީމް ވިދާޅުވެއްޖެއެވެ. މިއުޅެނީ ވެސް ތިކަމާއެވެ. އިލްޔާސް ސޮއިކުރެއްވުމުން ހުރިހާކަމެއް މިނިމުނީއެވެ. ތަހުގީގުމުޅިން ނިމުނީއެވެ. ދެން ލަހެއްނުވާނެއެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ހުންނަ ބިންގަރާހަށް ގެންގޮސް ވައްދައި ތަޅުލިއިރު، 11:30 ވަރު ވެދާނެއެވެ. ދެން މެންދުރު ނަމާދަށް ތައްޔާރުވެލުމުގެ ގޮތުން ފެންވަރާލައިގެން ކިޔަވަން އިނީއެވެ. އަޅުގަނޑު ހިތަށް އަރަނީ މާދަމާ މިނިވަން ކުރާނެ ކަމަށެވެ.


އުޅެއުޅެވެސް މިމީހުންނަށް ހެއްކެއް ގަރީނާއެއް ނުލިބުނީއެވެ. އަދި ކުރިންހަދާގޮތް ހަދާ ނުލެވުނީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވުމާއި ރާއްޖޭން ބޭރުންކިޔަވައިގެން ހުންނެވި، ހާފިޒެއްކަމުގައިވާ ޕީއެޗްޑީ ނެންގެވުމަށް ހުރިހާކަމެއް ހަމަޖެހިފައިވާ، ޕީއެޗްޑީ ކެނޑިޑޭޓް، އަލްޙާފިޡް އަލްއުސްތާޒު އަބްދު ﷲ ސަޢީދު މިމީހުންގެ ތެރޭގައި މައްސަލަ ދިރާސާކުރާ ބޭފުޅަކަށް އިސްކޮށް ހުންނެވީމައެވެ.


ސިފައިންނަށް އަޅުގަނޑާ ދެކޮޅަށް ކުރިންހަދާގޮތަށް ދޮގުހެކި ދީގެން ބަޔާނެއް ހަދާލަން ނުކެރުނީ، އެހެންވެގެންނެވެ. މިބޭފުޅުންނައި ހެދިއެވެ. މީގެކުރިން ސިފައިން އެކަހަލަ ކަންތައްކޮށްފައި އެބަހުއްޓެވެ. ސަފައިން ބުނަމުން ގެންދިޔައީ އެދުވަހު މާލެތެރޭގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރޭގައި އިލްޔާސް ހުންނަނިކޮށް ނަގާފައިވާ ވީޑިޔޯ އާއި ފޮޓޯތައް އެމީހުންގެ އަތުގައި އެބަހުރި ކަމަށެވެ. ދެފަހަރެއްގެ މަތިން އަޅުގަނޑަށް އެވީޑިޔޯ ދައްކާނަމޭ ވެސް ބުންޏެވެ. އެހެނަސް އެފޮޓޯތަކެއް ވެސް އެވީޑިޔޯއެއް ވެސް އަޅުގަނޑުގެ ކުރިމައްޗަކަށް ގެންނާނެ ހިއްވަރެއް އެމީހުންނަކަށް ނުލިބުނެވެ.


އަދި އެމަންޒަރުދުށް ސިފައިންނަށް އަޅުގަނޑު އެމީހުންގެ ތެރޭގައި ހުރިކަމަށް ބަޔާނެއް ދޭކަށެއްވެސް ނުކެރުނެވެ. މިގޮތަށް އޮވެ މިތަހުގީގު ނިގެން މިދިޔައީ، އަޅުގަނޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ އަނިޔާތަކެއް ލިބިގެންނެވެ. ސާޅީސްފަސް ދުވަހުގެ މި އަނިޔާތަކުގެ އަސަރު، އަޅުގަނޑު ދުނިޔޭގައި ހުރިހާދުވަހަކަށް ދެމިގެންދާނެކަން ކަށަވަރެވެ.


އަޅުގަނޑަށް ވީވަރު ވަޒަންކުރަން އެނގޭނީ ހަމަ އަހުރެންނަށެވެ. ބިންގަރާހު ގޮޅީގެ އަނިޔާތަކަކީ ދޫނިދޫޖަލުގެ ކުޑަގޮޅިން ލިބުނު އަނިޔާތަކަށް ވުރެ ވެސް މާބޮޑުވެގެންވާ އަނިޔާތަކެކެވެ. އުމުރަށް ދެމިގެންދާނެ އަނިޔާތަކެވެ. ކެތްކުރުން ނޫންގޮތެއް ނެތެވެ. ކެތްތެރިކަމާ އެކު، މިއަދު އެކުގައިހެން އިނީ ގުރުއާން ކިޔަވާށެވެ. ގުރުއާން ނިމުނީމައި އަނެއްކާ ފަށަނީއެވެ. މިގޮތަށްކިޔެވުން އަބަދުވެސް ވަށާޖެހެނީއެވެ.


4 ނޮވެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއީ ޖަލަށްގެނައި ދުވަސް ކަމުގައިވާ، 21 ސެޕްޓެމްބަރ ދުވަސްލައިގެން ގުނީމައި ބަރާބަރު، 45 ދުވަސް ހަމަވާދުވަހެވެ. އެހެނަސް ސިފައިން، 45 ދުވަސްގުނަނީ، 24 ގަޑިއިރު ޖަލުގައި ހަމަވީމާ، 1 ދުވަސް ޖަލުގައި ވީކަމަށް ބައްލަވައިގެންނެވެ. މިބީދައިން ހިސާބުހެދިމާ، އަޅުގަނޑަށް، 45 ދުވަސް ހަމަވާނީ، 5 ނޮވެމްބަރު ވާ ބުދަދުވަހުގެ މެންދުރުފަހު ޖަލަށް ލެވުނުކަމަށް ރެކޯޑްކުރެވުނު ގަޑިއަށެވެ. އެގަޑިއަކީ ހަވީރު، 5:30 އެވެ. އެހެނަސް އަޅުގަނޑު ސިފައިންގެއަށް ވެއްދީ، 3 ޖަހަން އުޅެނިކޮށެވެ.


އަނިޔާވެރި ބިންގަރާސް ގޮޅިކޮޓަރީގެ އަނިޔާތަކުން މިނިވަންވުން:


އާދެ، އިރުއޮއްސި ރޭވުމުން ޢިޝާނަމާދަށް ފަހު، ގާތްގަޑަކަށް ނުވައެއް ޖަހާއެހާކަންހާ އިރު، ނަޢީމް ދުރުވެ، ޖެނީގެ ހުރިހާ ސާމާނަކާ އެކު ނެރެންއުޅޭތަން ފެނިއްޖެއެވެ. ޖެނީގެ ހުރިހާސާމާނެއް ހިފައިގެން ދަމުން ނިއްޓިއާ ސަލާމްކުރި ތަންފެނެއެވެ. ދެން އަޅުގަނޑު ހުރި ގޮޅިކޮޓަރި ކައިރިއަށް އައިސް ދޮރުގައި ހުރި ބިއްލޫރިކޮޅު ކައިރީގައި ހުރެ އަޅުގަނޑަށް އިޝާރާތުން ސަލާމް ކުރުމަށް ފަހު މައްޗަށް އަރައިގެން ހިނގައްޖެއެވެ. މުލަރޯދަ ވިލޭރޭ ކުށްވެރިންތައް ގޮޅިންނުކުމެ އަޅުގަނޑުގެ ގޮޅީގެދޮރުފަތުގައި ހުންނަބިއްލޫރި ކޮޅުގައި ތަތްކޮށްފައި ހުރި ކަރުދާސްތައް ނޮޅާލިފަހުން އެބިއްލޫރިކޮޅު ހުންނަނީ ދެފަރާތް ފެންނަގޮތަށެވެ.


އޭގެފަހުން ކަރުދާސް ތަތްކުރާކަށް ނޫޅެއެވެ. ނަޢީމް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޖެނީބޭނުންވާ ގޮތަކަށް މިކަންތައް ކުރަންއޮތީ ދޫކޮށްލާފައެވެ. ގާޑުކަލޭގެ ކައިރިން އަހާލުމުން ބުނީ، ޖެނީ ދޫނިދޫއަށް ބަދަލުކުރީ ކަމަށެވެ. ޖެނީއަށް ވެސް މިކަންއޮތީ އެނގިފައެވެ. ނިންޓި ފަރާތުން ފަހުން މިކަންތައް އަޅުގަނޑަށް ސާފުވީއެވެ.


އަޅުގަނޑަށް ވިސްނާލެވުނު އެއްޗަކީ، ނިއްޓި އާއި އަޅުގަނޑު ދޫކޮށްލާގޮތަށް ނިންމާފައި ޖެނީއާ ދަޢުވާ ކުރާގޮތަށް ހަމަޖެއްސީ ކަމަށެވެ. ޝަރީޢަތް ފެށެންދެން ޖެނީ ހުންނާނީ ދޫނިދޫގައެވެ. އަޅުގަނޑުމެން ދެމީހުން މިރޭ ނުވަތަ މާދަމާ ނަމަވެސް ދޫކޮށްލާނީ ކަމަށް އަޅުގަނޑަށް ނިންމުނެވެ. ޖެނީ އަޅުގަނޑުގެ ދޮރުކައިރިއަށް އައުމުން، ޖެނީއަށް އިޝާރާތުން ވަރަށް ހިތްވަރުކުރުމަށް ނަސޭހަތްދިނީމެވެ. އިތުރުގޯހެއް ވިޔަނުދިނުމަށް ބުނީމެވެ. ވަރަށްގިނަ ގޮތްގޮތުން އިތުރުކަމެއްގައި ތާށިކުރެވޭތޯ މިވެރިން މަސައްކަތް ކުރާނެއެވެ.


އަޅުގަނޑު މިނިވަންވާއިރަށް ޖެނީގެ ބައްޕައާ ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަމޭ ބުނީމެވެ. ދެން، 30 ވަރަކަށް މިނެޓްފަހުން ޖެނީގެ ދަބަސް ގެނެސް އަނެއްކާވެސް، ޖެނީހުރިގޮޅީގައި ބެހެއްޓިތަން ފެނުމުން ގާޑު ކައިރީގައި، ކިހިނެއްވީހޭ ސުވާލުކުރުމުން ގާޑުކަލޭގެ ބުނީ، ޖެނީ އެތައްވަރަކަށް މައްސަލަޖައްސާއި ޖެނީ އެދިގެން ތަހުގީގުޓީމާ ބައްދަލުކުރުމަށް ވެލާނާގެއަށް ގެންދިޔައީ ކަމަށެވެ. ވެލާނާގެއިން އަނބުރާގެނައީ، 11:30 ގައި ކަން އެގުނެވެ. ދެންވެސް ވާނުވާއެއް ނޭންގޭތީ ނިއްޓި އާއި އަޅުގަނޑު ނުނިދާ އިވޭހާއަޑަކަށް ކަންފަތްދީގެން އެކަކު އަނެކަކު ފެންނަގޮތަށް ހޭލާތިބީއެވެ.


ނިއްޓިއަށް ގޮދަޑީގައި އިށީދެ ލައިގެން ދޮރުގެތޭރިތަކުގައި ހިފާއްޓާލައިގެން އިނދެވެއެވެ. އަޅުގަނޑު ހުންނަންޖެހެނީ، ދޮރުފަތްކައިރީގައި ބިއްލޫރިކޮޅުން ބަލަން ކޮޅަށެވެ. ވަރުބަލިވެސް ވެއެވެ. އެހެނަސް ނިންޓިވެސް ހޭލާއިނީމާ އަޅުގަނޑުވެސް މިގޮތަށް ހިފާއްޓާލީ ޖެނީއަށް ވާގޮތެއް ބަލާފައިނޫނީ ނޯށޯންނާށެވެ. މިހެންތިއްބާ، 12:30 ގައި ޖެނީ އާއި ނަޢީމް، މިބަޔަށް ވަދެއްޖެއެވެ.


ޖެނީގެ ގޮޅިއަށް ޖެނީގެ ދަބަސްނަގަން ވަތްތަން ފެނިއްޖެއެވެ. ދެން އަޅުގަނޑު މެން އުފަލުން ޖެނީއަށް ގޮވާއިވާހަކަ ދައްކައި ހެދީމެވެ. ދަބަސް ނަގައިގެން ދަމުން ނިއްޓިއާ ސަލާމް ކުރުމަށް ފަހު، އަޅުގަނޑު ގޮޅީގެ ބިއްލޫރިކޮޅު ކައިރިއަށް ޖެނީ އައިސް، އިޝާރާތުން އަނެއްކާވެސް ވާހަކަ ދެއްކީއެވެ. އަދި ބައެއް ވާހަކަތައް ބާރަށްވެސް ބުނެހެދީއެވެ. ޖެނީ ބުންޏެވެ. ދޫނިދޫއަށް ގެންދަނީއެވެ. އެނޫންގޮތެއް ނެތޭ ތަހުގީގުން ބުންޏެވެ. އަޅުގަނޑު ޖެނީއަށް ވަރަށް ނަސޭހަތް ދިނީމެވެ. ހިތްވަރުގަދަ ކުރުމަށް ބުނީމެވެ.


ޖެނީ
ޖެނީ

އަދި، އަޅުގަނޑު ދޫކޮށްލާއިރަށް ތިޔަގެއަށް ގޮސް ޖެނީގެ ބައްޕަ އާއި މަންމައާ ބައްދަލުކޮށް ހުރިހާކަމެއް، ވާހަކައެއް ކިޔައިދޭނަމޭ ޖެނީގާތުގައި ބުނުމުން ޖެނީއަށް ވަރަށް ހިތްވަރު ލިބުނެވެ. ހީވާގޮތުން، ފަހަރުގައި މާދަމާ ދޫކޮށްލަފާނެއެވެ. ޖެނީ ހުރީވަރަށް ހިތްވަރު ގަދަކޮށެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް ޖެނީކައިރީގައި ބުނުމުން، އާނއެކޭ ކިޔާފައި ޖެނީ އާއި ނަޢީމް ނައްޓާލީ މައްޗަށެވެ. ހިތާމައިގެ އަސަރު ހުރި ހަނދާނުން ނުފިލާނެ ވަގުތުކޮޅެކެވެ. ވަރަށް ލޯތްބާއި ސަލާމް ބުނީމެވެ. އަޅުގަނޑާއި ނިއްޓިއާ ތިބީ އެމަންޒަރު ބަލާށެވެ. ދެން ޖެނީ އެހިސާބުން އެވަގުތަށް ގެއްލުނީއެވެ. ދޫނިދޫއަށް ބަދަލުވީއެވެ. އަޅުގަނޑާއި ނިއްޓި ވެސް ވަރަށްދެރަވިއެވެ.


ޖެނީ ދޫނިދޫއަށް ގެންގޮސް ޝަރީޢަތް ކުރާގޮތަށް ހަމަޖެއްސީމައެވެ. އަޅުގަނޑުމެން މިހެން ތިބެފައި ނިދަން ޖައްސާލީ ތިނެއް ޖެހި ފަހުންނެވެ. ހާރު ކައިގެންނެވެ. އެކަކު އަނެކަކަށް ދެރަވެފައި މޫނަށް ބަލަންތިބީއެވެ. ދެން ނިއްޓިކައިރީގައި ތިންފަހަރު ކުރުސި، ތިންފަހަރު އަލްޙަމްދު ކިޔައިގެން އަވަހަށް ރީތިކޮށް ނިދާލާށޭ، ހިއްވަރުގަދަ ކުރާށޭ، އިތުރު ގޯހެއް ނުހަދާއި ތިޔަހުރިގޮތަށް އަޒުމް ވަރުގަދަކޮށް ހުންނާށޭ ކިޔާފައި ދެމީހުން ވެސް އަތުންކުރެވުނުހާ އިޝާރާތެއްކޮށް ހަދާފައި ނިދަން އޮށޯތީއެވެ.


އަޅުގަނޑުގެ ހިސާބުތައް ދައްކާގޮތުން މާދަމާގޮތެއް ނުވެއްޖެނަމަ، ގެއިން މަންމަ އާއި އިބުރޭއާ ބައްދަލުކުރުމަށް އެދޭނަމޭ، ނިދަންއޮވެގެން ހިތަށް އެރިއެވެ. އަދި މާދަމާ އިތުރުގޮތެއް ނުހަދައިފިނަމަ، ހޮސްޕިޓަލަށް ފަރުވާހޯދުމަށް ގެންދިއުމަށް އެދުމަށް ވެސް މުޅިން ނިންމީމެވެ.


މިހާރު ޑައިބެޓިކް ކަންތައް ހުރި ހިސާބެއްވެސް ނޭނގެއެވެ. މިހުރިހާ ވިސްނުމަކާ އެކުވެސް މާދަމާގެ ހަވީރު، 5:30 ށް ބަރާބަރު، 45 ދުވަސް ހަމަވާއިރު ކޮންމެވެސް ގޮތެއްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ހިތުތެރޭގައި އަށަގެންފައި އޮތެވެ. ހުވަފެންތަކުން ވެސް ދިޔައީ ޝަރީޢަތާ ހަމައަށް ނުގޮސް ނިމޭނެކަމަށް ދައްކަމުންނެވެ. މިރެއާހަމައަށް އާދެވުނުއިރު ހުރީ ޖުމްލަ، 13 ޚަތިމު ކުރެވިފައެވެ.


5 ނޮވެމްބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 46 ވަނަ ދުވަހެވެ. ރޯދަމަހަށް ވާތީ، ފަތިސްނަމާދަށް ފަހު، ނިދާލުމުން ހޭލެވުނީ، 10:30 ގައެވެ. ފެންވަރާލައިގެން ޟުޙާނަމާދުކޮށް ހަދައިގެން ގުރުއާން ކިޔަވަން ފެށީއެވެ. މެންދުރުނަމާދާ ޖެހެންދެން ގުރްއާން ކިޔެވީއެވެ. ދެން މެންދުރު ނަމާދުކޮށްގެން ނިއްޓިގެ ޚަބަރު ބަލައިލި އިރު ނިއްޓިއޮތީ ނިދާފައެވެ. އަދިވެސް ނުހޭލަނީއެވެ. ގޮދަޑި އޮތްގޮތުން ނިއްޓިގެ ބޮލުއިސްތަށިގަނޑު ފެނެއެވެ.


ދެން އަޅުގަނޑުވެސް އޮށޯތީ ނިދާށެވެ. ރޭއެއްކޮށްހެން ހުރެވުނީ ހޭލައެވެ. އެނދުގައި އޮވެގެން ހަވީރުވުމުގެ ކުރިން ބަލާއަންނާނެއޭ ހިތަށްއެރިއެވެ. ނިދަން އޮށޯތީ މެންދުރު ފަހު، 1:30 ގައެވެ. ބަރާބަރު ދޭއްޖެހިތަނާ ހޭލެވުނީ ދޮރުހުޅުވާލި އަޑަށެވެ. ގާޑުމީހާއާއެކު އެހެން އޮފިސަރެއް ހުއްޓެވެ. ހުރިހާސާމާނާ އެކުގައި ނުކުތުމަށް އެންގިއެވެ.


ކުރިންވެސް ހުރީ ރެޑީކޮށްފައި ކަމުން މާގިނަ އިރެއްނުނަގާ އަޅުގަނޑުގެ ބެކްޕެކު ހިފައިގެން ނުކުމެއްޖައީމެވެ. އޭރު ނިއްޓި ވެސް ހޭލައި ގޮޅީގެދޮރު މަތީގައި ބަލަންހުއްޓެވެ. މޯބައިލްފޯނާއި ފައިސާކޮޅުހުރި ދަބަހާއި ގަލަމާއި އެހެން އެއްޗެހިއްސާއި ބޭސްކޮޅު ދޭންވާނެ ބުނުމުން މަތިން ލިބޭނެކަމަށް ބުންޏެވެ. ދެން ނިއްޓި ގޮޅިކައިރިއަށް ޖެހިލައި ސަލާމްގަލަންކޮށްލާފައި ދެރަނުވުމަށް ބުނީމެވެ. ހިތްވަރު ކުރައްޗޭ ބުނީމެވެ. ދެން ދޫކޮށް ލާނީ ނިއްޓިކަމަށް ބުނެ ފިސާރިހިއްވަރު ދިނީމެވެ. ގާޑާއި ބަލާ އައި އޮފިސަރު މިކަން މަނައެއް ކުކުރެއެވެ.


މިނިވަންވީހާ އަވަހަށް އަޅުގަނޑާ ބައްދަލު ކުރަންޖެހޭނެކަމާއި މަގޭނަމްބަރަކީ، ތިންހަތެއް ތެއްތިރީސް ސުމެއްއަށެއް ކަމަށް ހިތުންދަސްކޮށް ދިނީމެވެ. ދެފަހަރު ނިއްޓި އެ ނަންބުރު ކިޔާވެސް ދިނެވެ. އަޅުގަނޑުގެ މޯބައިލް ނަމްބަރަކީ ވަރަށް ފަސޭހަ ނަމްބަރެކޭ ބުނީމާ، ނިއްޓި އާއެކޭ ބުނެފައި ބުންޏެވެ. ތިޔަނަމްބަރެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ދެން ނިއްޓިއަށް ހިތްވަރުގަދަ ކުރުމަށާއި އިތުރުގޯހެއް ގޮޅީގައި ހުރެގެން ނުހެދުމަށް ނަސޭހަތްތެރި ވީމެވެ.


ނިއްޓި
ނިއްޓި

ބަލާއައިސްހުރީ ވެލާނާގޭތެރޭގައި ތަންކޮޅެއް އިސްކޮށް އުޅުއްވާ އޮފިސަރެކެވެ. އެހެނަސް މީނާ އަޅުގަނޑު މިކުރިކަންތަކެއް މަނާކުރާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. ނިއްޓިއާ ބޭނުން ވަރަކަށް ވާހަކަދައްކަން އޭނާ ހުރީ ދޫކޮށްލާފައެވެ. ހަދާންތަކަކުން ފުރިގެންވާ، ފުންސަލާމަކުން ސަލާމް ކުރުމުގައި ނިއްޓި އަތުގައި ހިފައިގެން އިރުކޮޅަކު ހުރެފައި ވަދާޢުގެ ހިނިތުން ވުމާއެކު ވަރަށް ލޯތްބައި އެކުވަކިވީ، މިނިވަންވާ ދުވަހު ގުޅައްޗޭ ބުނެފައެވެ.


ދެންމައްޗަށް އަރައިގެން އަޅުގަނޑު ދިޔައީއެވެ. މައްޗަށްއަރާ ސިޑިހުރީ އެގޮޅިއާ ދިމާލުގައެވެ. އިމާރާތުގެ މެދެއްހާ ހިސާބުގައެވެ. ނިއްޓިއާވެސް ވަކިވީއެވެ. އަޅުގަނޑަށް ވެސް އަސަރުތަކެއް ކުރިއެވެ. ޖެނީ ގެއްލިފައި މާގިނަ ދުވަސްތަކެއް ނުވަނީސް ނިއްޓި ވެސް ގެއްލުނީއެވެ.


އަދި މިއަނިޔާވެރި ގޮޅީގެ ނާމާން މާހައުލުން ވެސް ސަލާމަތްވީއެވެ. ބިންގަރާހުގެ ގޮޅިތައް ބެލެހެއްޓުމަށް އިސްކޮށް އުޅުއްވާ، ހުސައިން ރަޝީދު (ވައްތީނި) އަޅުގަނޑުގެ ސާމާނުތައް އަޅުގަނޑައި މަތީބުރިން ހަވާލުކޮށް ފިއެވެ. ފައިސާކޮޅާއި ގަލަމާއި އައިޑީކާޑާއި އެހެންހުރިހާ އެއްޗެއްވެސް ހަމައަށް ހުއްޓެވެ. ނުކުތީ ވައްތީނިއާ ސަލާމްގަލަންކޮށް ހެޔޮދުޢާކޮށް ހަދާފައެވެ.


ދެން ސިފައިންގެ ޖީޕަށް ލައިގެން ގެންގޮސް ވެއްދީ ވެލާނާގެއަށެވެ. ލަކުޑިންހަދާފައިހުރި އެއްތެޔޮފުރި އަތްގަނޑުލީ ގޮޑިއެއްނެރެ އަނބުގަސްދޮށުގައި އަޅުގަނޑު ބައިންދާއިފިއެވެ. މިފަހަރު ގުދަނަށް ލާކަށް ނޫޅެއެވެ. ޕުލާސްޓިކު އަތްގަނޑުނުލާ ގޮނޑިއެއް ވެސް ނެތެވެ. މިމީހުންގެ ތެރޭގައި އެކިފެންވަރުގެ އެކިމަރުހަލާތައް ރޭވިފައި ހުރެއެވެ. މިމަރުހަލާތަކުން މީހާއަށް އަންނަލުއިތައް އޮޅުންފިލާނެއެވެ. އަދަބުތައް ބޮޑުކޮށް އުޅެއްޏާ މަރުހަލާތަކުގައި ވެސް ވަރަށް އުނދަގޫތައް ކުރިމަތިވާނެއެވެ.


މިގޮނޑީގައި އިންނަތާ މާގިނައިރުތަކެއް ނުވަނީސް ތަހުގީގުކުރާ، 1 ނަމްބަރު ކޮޓަރިއަށް ވައްދައިފިއެވެ. ތަހުގީގުޓީމަކަށް ތިއްބެވީ ހަލީމާއި ނިޒާމާއި އިސްމާއީލް ޒާހިރާއި އެޓާރނީން މިޓީމުގައި އުޅުއްވާ ބޭފުޅާއެވެ. މިއީ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންކޮށް، ހިކިކޮށް ހުންވާބޭފުޅާއެވެ. އަޅުގަނޑު އެ ކޮޓަރިއަށް ވަދެހަމަޖެހި ލުމުން ހަލީމް ވިދާޅުވެއްޖެއެވެ. މިއަދު މިގެނައީ ނިންމަލުމުގެ ގޮތުން އަންގަންޖެހޭ އެންގުން އަންގާލުމަށެވެ. އެ އެންގުން މިއޮއްތީ ކޮމްޕިއުޓަރުން ލިޔެ ރެޑީކޮށްފައެވެ. އަސްލުގެ ދެކޮޕީ މިއޮތީއެވެ.


އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. މިދެގަނޑު އަޅުގަނޑު އަތަށް ދިނުމުން ކިޔާލާފައި ވަރަށް އަވަހަށް ސޮއިކޮށް ލައިފީމެވެ. އަދި އިނގިލީގެ ނިޝާންޖަހަން ބުނިތަންތާގައި ކަނާއަތުގެ ބޮޑުވައި އިނގިލީގެ ނިޝާންޖަހައި ނިންމާލައި މިދެގަނޑު ދިނުމުން ހަލީމް ބުނުއްވައިފިއެވެ. މިނިމުނީއެވެ. ދެން އިލްޔާސް ދުރުވަންވީއެވެ. ދެން ދުރުވިޔަސް އެންމެރަނގަޅެވެ. މިނިވަންވީއެވެ.


އަޅުގަނޑު އިތުރަށް ބައެއްވާހަކަތައް ދަންނަވާލަން ހިތަށްއަރާފަވެސް ހަލީމު ކައިރީގައި މިވާހަކަތައް ދައްކައިގެން ފައިދާއެއް ނުކުރާނެކަން ހިތަށްއެރުމުން އަގައިން ނުބުނެ ޝުކުރިއްޔާއޭ މަލާމަތުގެ ރާގަކަށް ދަންނަވާފައި، ބެކްޕެކު ހިފައިގެން އަޅުގަނޑު ހިނގައިގަތީ ވެލާނާގެއިން ނުކުތުމަށެވެ. އޭރުގަޑިން މެންދުރު ފަހު، 3:10 ވެދާނެއެވެ. އޮފީހަށް ފުރަތަމަ ދިއުމަށް ހިތައް އެރީ އޮފީހުން ނެގިގޮތަށް މިނިވަން ވުމުން ފުރަތަމަ ވަންނާނީ އޮފީހަށް ކަމަށް ގަބޫލު ކުރެވިގެންނެވެ. ދެން ހިނގާފައިގޮސް އަޅުގަނޑު އޮފީސް އެޓޮލްސް މިނިސްޓްރީއަށް ވަތްއިރު ޝީރީން ގެއަށް ވަޑައިގެންނެވުމުގެ ތައްޔާރީތައް ވަމުން ގެންދަވަނީއެވެ.


އެހެނަސް އަދިހުންނެވީ މަތީބުރީގައެވެ. އަޅުގަނޑު މައްޗަށް މުޅިން އަރާނުނިމެނީސް ޝީރީން ސިޑިން ފައިބަންނަވަން ސިޑިއާދިމާއަށް ވަޑައިގަންނަ ވަނީއެވެ. އޮފީހުން އެންމެ ފުރަތަމަ ދިމާވީ، ޒުހުރާ އާއި ޔުމްނާ އާއެވެ. މި ދެ ކުދިންނަކީ ވެސް އަޅުގަނޑަށް ވަރަށް އިހްތިރާމް ކުރާ އަޅުގަނޑާ ވަރަށް ގާތްދެކުދިން ކަމުން ވަރަށް ވާހަކަތައް އުފަލުން ދެއްކިއެވެ. ދެން ޝީރީނާ އެކުގައި ހެން ދިމާވީ، ހައްވާލިއުފާއެވެ. ލިއު އަކީވެސް އަޅުގަނޑާ ވަރަށްގާތް އެކުވެރި ހިތްހެޔޮ ބޭފުޅެކެވެ.


ޝީރީން އާއެކު މިނިސްޓްރީތެރޭގައި
ޝީރީން އާއެކު މިނިސްޓްރީތެރޭގައި

ދެން އަޅުގަނޑުމެން އެންމެން އެކުގައި ފޭބީތިރިއަށެވެ. ގެއަށްދާށެވެ. އޭރު އަޅުގަނޑު ހުރީ، 46 ދުވަހުގެ ދިގުތުނބުޅީގައެވެ. ލޯގަނޑަކުން އަމިއްލަ މޫނު ނުދެކޭތާ އެހާ ދުވަސް ވެފައެވެ. އަޅުގަނޑުގެ ސިފަހުރިގޮތެއް އޭރުއަޅުގަނޑަށް ނޭންގެއެވެ. ދެން، ޝިރީން ވިދާޅުވިއެވެ. އިލްޔާސް މިހާރު ހީވަނީ އެހެން މީހެއްހެނެވެ. އިލްޔާސް ފެނިފައި ވަރަށް އުފާވެއްޖެއެވެ. އަދި މާދަމާ އޮފިހަށް ނުކުންނަވަން ވާނެކަމަށް ޝީރީން ވިދާޅުވިއެވެ.


ދެން ބައްދަލުވީ ޑިއުޓީގައި އިންނެވި އުނގުލު އަލްއަޚް މުހަންމަދުއަލީ އާއެވެ. މުހަންމަދު އަލީ އަކީ އަބަދުވެސް ވަރަށް ރަނގަޅު އަޚްލާގެއްގެ ވެރި ބޭފުޅެކެވެ. ބޭރަށް ނުކުންނަވައި ޓެކްސީއެއް ގެންނަންވެގެން ވަރަށް ގަދައަޅައި އުޅުއްވިއެވެ. އެހެނަސް އަޅުގަނޑު ބޭނުންވީ ހިނގާލާފައި ޖަވާހިރުވާދީއަށް ދާށެވެ. ދެން މި ހުރިހާ ބޭފުޅުންނާ ސަލާންގަލަން ކުރުމަށް ފަހު، ހިނގައިގަތީ ގެއަށް ދިއުމަށެވެ.


ބަންޑާރަމިސްކިތާ ހިސާބަށް އާދެވުނުއިރު ޢަޞްރުނަމާދު ޖަމާޢަތުގައި ކުރަނީއެވެ. މިމަންޒަރު ފެނުމުން ޖަމާޢަތުގައި ނަމާދުނުކޮށް ދާހިތެއް ނުވިއެވެ. ދެން ދަބަސް މިސްކިތުގައި ބަހައްޓާފައި ވުޞޫއު ކޮށްލައިގެން އެރުމުން، ޖަމާޢަތުގައި ކުރުމަށް، 3 ރަކްޢަތް ލިބުނެވެ. ޢަޞުރު ނަމާދުކޮށް ނިމިގެން، ﷲ އަށް ޝުކުރުގެ ދެރަކްޢަތް ނަމާދެއްކޮށް ދުޢާދެންނެވީމެވެ. ﷲ ގެ ޝުކުރު ކިތަންމެހާ ވެސް ތަނަވަސްވެފައި އަޅުގަނޑުގެ މައްޗަށްބޮޑެވެ. އަޅުގަނޑަށް ދެއްކެވި ރަނގަޅު ހުވަފެންތަކާއި ހިންގާދިޔަ ކަންތައްތަކާ ވަރަށް ގުޅުން ބޮޑެވެ.


އެހެންވުމުން އަޅުގަނޑު ހުރީވަރަށް ހިތްހަމަ ޖެހިފައެވެ. ބަޔަކު ބޭނުންވާހާ ގޮތަކަށް ކަންތައް ނުކުރެވޭކަން މިފަހަރު ސާބިތު ވެގެން ހިނގައްޖެއެވެ. އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން އުޅުނު މިއޮއްބޮޑު ކަންތައްގަނޑުން، ﷲ ސަލާމަތް ކުރެއްވިލެއް މޮޅުކަމުން މިހުރިހާކަމެއް ހަދާންކޮށް އެތައްހާސް ޝުކުރެއް، ﷲ އަށް ދެންނެވީމެވެ. އަދި މިސްކިތުގައި އިރުކޮޅެއް އިނދެފައި މިހާރު މިހުރިގޮތުގެ ފޮޓޯއެއް ނެގުމަށް އެފްޑީއައި ސްޓޭޝަން ނޮވެލްޓީ ފޮޓޯއަށް ވަންނާނަމޭ ހިތާއެތަނަށް ދިޔައިރު އެތަން ހުރީ ބަންދުކޮށްފައެވެ. ފޮޓޯއެއް ޖަލުގެ އެސޫރައާ އެކު ނެގޭގޮތެއްނުވިއެވެ.


އެފްޑީއައި ސްޓޭޝަން
އެފްޑީއައި ސްޓޭޝަން

ދެން އެފްޑީއައި ކުރިމަތިން އަތަމާގޭ އަބްދުއްލަތީފު ހުސައިން މަނިކާ ދިމާވެއްޖެއެވެ. އަޅުގަނޑާ ސަލާމްކޮށް ލައްވާފައި މިއަދު އިލްޔާސްމަތިން ހަދާންވި ކަމާ، އަދި މިއަދު ފެނުނީމާ ވަރަށް އުފާވެއްޖެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ނަންގަތީމެވެ. މިއަންނަނީ ޖަލުން ނުކުމެގެންނެވެ. ބަންދު ކުރިކަން އެނގުނުކަމުގައި އަބްދުއްލަތީފު ވިދާޅުވިއެވެ.


އަތަމާ އަބްދުއްލަތީފް އާއި ކދ.އަހްމަދު މަނިކު އަރުހުގައި މައްކާގައި އަރަބި ކެއުމެއްގައި
އަތަމާ އަބްދުއްލަތީފް އާއި ކދ.އަހްމަދު މަނިކު އަރުހުގައި މައްކާގައި އަރަބި ކެއުމެއްގައި

އަދި ތިޔަހުރިގޮތުން ޖަލުން އަންނަނީކަން އެނގޭކަމަށް ވިދާޅުވިއެވެ. ދެން އަބްދުއްލަތީފު ވަރަށް އުފާކުރައްވާފައި ވަޑައިގަތީއެވެ. އަޅުގަނޑު އަތަމާގޭ ފާތުމައިދީއަށް ވެދުން ނަންގަތީމެވެ. މިއީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަހަލަ ދެބޭފުޅުންނެވެ. އެތައްއަހަރެއް ވަންދެން ހައްޖުމޫސުމުގައި ދިވެހިހާޖީންނަށް ޚިދުމަތްކުރުގައި އެކުގައި އުޅެވުނެވެ. ދެން ހިނގާލާފައި އައިސް ޖަވާހިރުވާދީއަށް ވަނީއެވެ.


އަތަމާ ފާތުމައިދީދީ އާއި މުހައްމައިދީގެ މެދުގައި މައްކާގައި ހައްޖުބަދިގޭގައި ކެއުމެއްގައި
އަތަމާ ފާތުމައިދީދީ އާއި މުހައްމައިދީގެ މެދުގައި މައްކާގައި ހައްޖުބަދިގޭގައި ކެއުމެއްގައި

ގެއަށް ވަނުމަށް ފަހު، އެންމެފުރަތަމަ ދޮށީދަރިފުޅު ޓޭންއަށް ފެނުމުން ބިރުގަތީއެވެ. އެހެނަސް މިއީ ދަރިފުޅުގެ ބައްޕައޭ ބުނުމުން އަޅުގަނޑުގެ އަޑުއިވުމާއެކު މަޖާވެއްޖެއެވެ. ކުޑަ ދަރިފުޅު، ރޭމް އުރާލަން އުޅުމުން ފުރަތަމަ އަޅުގަނޑު ގާތަށް ނައެވެ. ދެން ގަދަކަމުން އުރާލުމުން މަޑުންފާޑަކަށް އިނީއެވެ. ދެން ރައްޓެހިވެ ވަރަށް މަޖާވެއްޖެއެވެ. ދެން ފޮޓޯއެއް ނެގުނީ އެރޭ ރޭގަނޑު ނަސަންދުރަހޮޓެލްގައި އޮތްޕާޓީއަކަށް ގޮސް އެޕާޓީތެރޭގައި ތިބެ، ދެކުދިންނާއި އަންހެނުންނައި އެކުގައި ފެމެލީ ފޮޓޯއެކެވެ. އޭރު ކުދިވެރިން ވަރަށް މަޖާކުރެއެވެ. ދެބޭން ތިބެނީ އަބަދުވެސް އުނގުގައެވެ. ޕާޓީއަށް ދާންވެގެން ޖެހުނީ ތުނބުޅިކޮށާއި ބޯކޮށާލާށެވެ.


ރީތިވެލައިގެން ޕާޓީގައި އާއިލާއާއެކު
ރީތިވެލައިގެން ޕާޓީގައި އާއިލާއާއެކު

އެއީ އެޕާޓީތެރޭގެ ފޮޓޯއެކެވެ. އެފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގައި މަތިކޮށްފައި ފެންނަން ހުންނާނެއެވެ. އެފޮޓޯގައި ޓޭން އާއި ރޭމް ތިބޭނީ އަޅުގަނޑުގެ އުނގުގައެވެ. ޓޭން ހުންނާނީ އަޅުގަނޑުގެ ވާއަތްފަރާތު ފައިމަތީއުނގުގައި ހެވިފައެވެ.


އަޅުގަނޑު ފެނުމުން ގޭގައި ތިބި އެންމެންވެސް ވަރަށް އުފާކުރިއެވެ. އެހާއަވަހަށް އާދެވިދާނެކަމުގެ އުންމީދެއްނެތި ތިއްބާ ޓަސްލާފައި ކުއްލިއަކަށް، އަޅުގަނޑު ފެނުމުންނެވެ. މަންމަ އާއި އިދްހާމް (ތުއްތަ) އާއި އަންދި އާއި ގެއިން ދިމާވިއެވެ. ބިގޭ އާއި އިބުރޭ އާވެސް ދިމާވިއެވެ. ހަންދުކައިރީގައި މިނިވަންވީ ވާހަކަފޯންކޮށްފައި ބުނީމެވެ. ދޮންދައްތައަށް ވެސް ފޯނުކޮށްފައި މިނިވަންވީ ވާހަކަބުނީމެވެ. އެންމެންވެސް އުފާކުރިއެވެ. ގެއަށް ޢީދެއް އައީއެވެ. މިހާ ހިސާބުން މިނުރައްކާތެރި ބޮޑުތުހުމަތުގެ ބަންދުން ސަލާމަތްވެ، މިންޖުވީއެވެ. ދުނިޔޭގެ އަލިކަމާއިވައިގެ ތެރެއަށް ނޭވާލެވެން ފެށީއެވެ. އަލްޙަމްދުލިއްލާހީ! އާމީން!


މިފަހަރުގެ ބަންދުކުރުމާ ގުޅޭ އިތުރު ވާހަކަތައް:


6 ނޮވެންބަރ 2003 ވީބުރާސްފަތި ދުވަހު، ހަވީރު ޖެނީގެ ބައްޕައާއި މަންމައާ ބައްދަލުކުރީމެވެ. ޖެނީއާ ގުޅޭހުރިހާ ވާހަކަތަކެއް އެދެމަފިރިން ކައިރީގައި ގިނައިރު އިނދެ، ވަރަށް ތަފްސީލްކޮށް ކިޔައިދިނީމެވެ. އަދި ގޯގޯލަތީފް ކުރެއްވި ހުރިހާސުވާލަކަށް ޖަވާބުދިނީމެވެ. ޖެނީއާ ވަކިވަމުން ދެއްކިވާހަކަތަކާއި ޖެނީ ހުރީވަރަށް ހިތްވަރުގަދަކޮށް ކަމަށް ބުނެދިނީމެވެ.


އިސްލާހީހަރަކާތް އާގިޔަރެއްގައި ފެށުން:


މިބައްދަލު ވުމުގައި އަޅުގަނޑަކީ ބައްޕަ އާއި ދަރިފުޅާއެކު، ޖަލުގެ ކުޑަގޮޅީގައި ހުރިމީހެއްގެ ހަދާންތައް ތާޒާކުރެވުނެވެ. އަޅުގަނޑުގެ ވާހަކަތައް އައްސަވާފައި، ގޯގޯލަތީފު ވަރަށް ކޯފާވިއެވެ. އިންސާފުން ނެއްޓިފައިވާ ބޮޑު ތުހުމަތަކަށް ވާތީއެވެ. ޖެނީއަށް ޝަރީޢަތްކޮށް ހުކުމްއިއްވާ ގޮތަށް ދޫނިދޫގައި ބެހެއްޓީކަން އަޅުގަނޑު ފަރާތުން ގޯގޯއަށް ޔަގީންވުމުން، އިތުރަށް ކޯފާ އިސްކުރައްވައި ތިޔަކަން ސަރުކާރަށް ދައްކާލާނަމޭ ވިދާޅުވިއެވެ. ނުހައްގުން އަނިޔާއެއް ނުކުރެވޭނެއެވެ. ޖެހޭނީ މިނިވަން ކުރާށެވެ. ތިޔަކަމާ އަމަލީމަސައްކަތް ފެށުމަށް ލަންކާއަށް މިފުރަނީއޭ ގޯގޯ ވިދާޅުވިއެވެ.


އަދި އެއަށް ފަހު، އެރޭ އަންނިއާ ބައްދަލުކޮށް މިހުރިހާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. މިޙާދިޘާއާ ގުޅިގެން އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅެމުންގެންދާ އެންމެން ވެސް ތިބީ މިކަމާ ހެދި ވަރަށް ރުޅިގަދަ ވެފައެވެ. އަވަސް ހަރަކާތަށް ސަމާލުވެ، ދެގުނައަށް ކުރިޔަށް ޖެހިލާފައެވެ. އެންމެން ތިބީ ރުޅިގަދަވެ، ރަތަށް އަރާފައެވެ. މިކަންވީ އިސްލާހީހަރަކާތަށް އާހިތްވަރަކަށެވެ. މަތީގުޔަރަކަސް ބަދަލުކުރެވުނެވެ.


މިޙާދިޘާ ހިނގުމާއެކުހެން، ރައީސް މައުމޫނާ ދެކޮޅަށާއި ސަރުކާރާ ދެކޮޅަށް، ސިޔާސީގޮތުން ފާޅުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވަރަށް ފޯރިގަދަކޮށް ކުރެވެން ފަށައިފިއެވެ. ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ބޭރުގައެވެ. އެތެރޭގައި ތިބި ބައެއް ސިޔާސީލީޑަރުން، މި މަސައްކަތަށް ހުސްވެގެން ބޭރަށް ފުރުއްވިއެވެ. އަދި އެތެރޭގައި ގައިމުވެގެން ތިބި، އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުން ހެސްކިޔާފައި އެތެރޭގައި އިސްލާހީ މަސައްކަތް ބާރަށް ފަށައިގަތީއެވެ.


ރާއްޖޭން ބޭރުގައި ކުރެވުނު މަސައްކަތުގެ ތެރޭގައި އިންސާނީ ހައްގުތަކާ ޚިލާފަށް ރާއްޖޭގައި ހިނގާ ކަންކަމާއި އެހެނިހެން ގާނޫނުން ބޭރުންކުރާ ނާތަހްޒީބު ކަންތަކުގެ ވާހަކަތައް ބައިނަލް އަގްވާމީ މުޖްތަމަޢަށް ހެކިތަކާއެކު ފޯރުކޮށްދޭން ފަށައިގަނެވުނެވެ. އދ ގެ އިންސާނީ ހައްގިތަކައި ބެހޭ ޖަމާއަތަށާއި ނޭޓޯގެ އިދާރާއަށާއި ލަންކާގައި ހުންނަ އެމްބަސީ ތަކަށެވެ. އަދި ކޮމަންވެލަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙާމެދު ބައިނަލް އަގްވާމީ ޖަމާޢަތްތަކާއި މީޑިޔާތަކުގެ ޝައުޤު ވެރިކަން ހެސްކިޔާފައި އުފެއްދުނެވެ.


އިސާހިތަކު އިލެކްޓްރޯނިކް މީޑިޔާގައި މިވާހަކަތައް ދުވަހުން ދުވަހަށް ލިޔެވެން ފަށައިފިއެވެ. ޔޫރަޕްގައި ސަންދާނު އިބްރާހީމް ލުތުފީ އާއި އެމެރިކާގައި ޑޮކްޓަރު ވަހީދު ހުންނަވައިގެން، އަދި ލަންކާގައި ގޯގޯމެން ތިއްބަވައިގެން އިސްލާހީހަރަކާތްތައް މިބީދައިން ފެށުމުން، ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސްމައުމޫނަށް މަޖްބޫރުވިއެވެ. އެގޮތުގެމަތިން ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވިއެވެ. ރައީސް މައުމޫނަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަވަން ޖެހިވަޑައިގަތެވެ.


ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާ އިއިލާނުކުރެއްވީ، 2004 ވަނަ އަހަރު ޖޫންމަހުގެ 9 އެއްގައެވެ. އެދުވަސްވަރާ ގުޅޭ ފުރުހަމަ ރިޕޯޓެއް، އެފްއައިޑީއެޗް (FIDH - International Federation for Human Rights) އިން ނެރުއްވާފައި އޮވެއެވެ. މިއީ މުޅި ދުނިޔޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ އެއްގެ މަސައްކަތެކެވެ. މިލިންކުން ބައްލަވާލައްވާށެވެ.


މިރިޕޯޓާއެކު ތަންކޮޅެއް ފަހަތަށް ޖެހިލައި، 2012 އޮގަސްޓު 30 ގައި ނެރުނު ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ، (CoNI) ކޯނީ ރިޕޯޓުގެ ސޯފްޓްކޮޕީ (PDF) ވެސް އަންނަނިވި ލިންކުތަކުން ބައްލަވައިލެއްވުން ރަނގަޅުވާނެއެވެ. އެއީ ވެސް ހަނދާންތަކެކެވެ.


16 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު މިނިސްޓްރީ އޮފް އެޓޮލްސްއަށް އަޅުގަނޑު މިފަހަރުގެ ބަންދަށް ފަހު، ދޫކޮށްލިކަމުގެ ޗިޓު ލިބުނެވެ. އެޗިޓްގައި އޮތީ މިހެންނެވެ.


ދޫކޮށްލި ސަބަބު: “ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަމުންދާތީ އާއި ތަހުގީގަށް އަދި ކުށްސާބިތު ނުވާތީ.”  ދޫކޮށްލީކަމަށެވެ.


ދޫކޮށްލި ތާރީޚް: 5 ނޮވެމްބަރ 2003 ވީބުދަ ދުވަހުއެވެ.


ޗިޓްނަމްބަރަކީ: 495/ 2/ 2003       ތާރީޚް: 13 ނޮވެމްބަރ 2003


ހައްޔަރުކުރި ކަމުގެޗިޓް މިނިސްޓްރި އޮފް އެޓޮލްސްއަށް ލިބުނީ، 30 ސެޕްޓެމްބަރ 2003 ގައެވެ. މިޗިޓްގައި ހައްޔަރުކުރި ސަބަބަކަށް ވަނީ މިހެންނެވެ.


ހައްޔަރުކުރި ސަބަބު: “20 ސެޕްޓެމްބަރ 2003 ދުވަހު މާލޭގެ މަގުމައްޗަށް މީހުންނުކުމެ ހިންގި ޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހައި ހެދިމީހުންގެ ތެރޭގައި މީނާ ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެލުމަށް.” މީނާ މަތީގައިވާ ގޮތުގެމަތިން ހައްޔަރުކޮށް ފީމެވެ.


ހައްޔަރުކުރި ތާރީޚް: 21 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަހުއެވެ.


ހައްޔަރުކުރިތަން: ޕޮލިސްހެޑްކްއާޓަރޒް.


ޗިޓްނަމްބަރަކީ: 539/ 1/ 2003       ތާރީޚް: 28 ސެޕްޓެމްބަރ 2003


ޙާދިޘާއާ ގުޅޭ އިތުރު ތަފްސީލް:


އާދެ! ދެން މިގެނެސްދެނީ، ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ، ރައްޔިތުންގެ ބޮޑުމަޖިލީހުގެ ތަޅުމުގައި މިހާރު ބޭނުން ކުރަމުންގެންދާ ގާނޫނުއަސާސީ، 2008މ. 1429ހ. ގައި “ޢަދުލްއިންސާފުގެ ބާބު” ލިޔުމަށް ބަހުސްކުރަން އެޖެންޑާކުރެވުނު، “ޝަރުޢީނިޒާމާ ބެހޭ ބަޙުޘްކުރުން” މި މައުޟޫގެ ދަށުން، އަޅުގަނޑު ބޮޑުމަޖިލީހުގެ ތަޅުމުގައި ދެއްކިވާހަކަ ތަކުގައި މިފަހަރު އަޅުގަނޑު ބަންދުކުރެވުނު ޙާދިޘާ ސިފަކޮށް ދިންގޮތެވެ.


އީވާން މަރާލުމާއި ޖަލުގައި ބަޑިޖެހި ޙާދިޘާ ބޮޑުމަޖިލީހުގައި، އަޅުގަނޑު ސިފަކޮށްދިން ގޮތް މިތާނގައި ގެނެސް މިދެނީ، ދިވެހި ތާރީޚަށްޓަކައެވެ. މިފަދަ ޙާދިޘާތަކުގެ ހަގީގަތް، ދެފަރާތް އެނގޭ ގޮތަށް ދިވެހި ކިޔަވާ ކުދިންނަށް ހާމަކޮށް ދިނުމުގެ މަތިވެރި ބޭނުމުގައެވެ. އެމަގްސަދުގައެވެ. ކިޔާލައްވާށެވެ!


“އާދެ! ޤާނޫނުއަސާސީގައި ޢަދުލު އިންސާފާ ބެހޭ ބާބު އިންސާފުވެރި ގޮތަކަށް ލިޔެވޭނެ ކަމާމެދު މިހާރު އަޅުގަނޑަށް ޝައްކާއި ވަސްވާސް އުފެދިއްޖެ! ވަކިފަރާތެއްގެ ނުފޫޒެއް ނެތި އަސާސީ އެކުލަވާލަން ތިއްބެވި “ޢިއްޒަތްތެރި މެންބަރުންގެ ޢިއްޒަތްތެރި ރައީސް” އަލްފާޟިލް އައްބާސް އިބްރާހިމްގެ ޢަދުލުވެރިކަން މިދަނީ ފެންނަމުން ތަޖުރިބާ ކުރެވެމުން. މިފަދަ ރައީސެއް އިސްކޮށް އިންނަވައިގެން ފުރިހަމަ ޢަދުލުވެރި އިންސާފުވެރި އަސާސީއެއް އެކުލަވައެއް ނުލެވޭނެކަން ޔަގީން.


ޝަރުޢީ ނިޒާމާބެހޭ ގޮތުން މުސްްތަގިއްލު ބާބެއް ނުލިޔެވޭނެކަން ކަށަވަރު. އަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުން ރުހޭގޮތަށް ކުރަންޏާ، މިހާތަނަށް މިފެނުނު މަންޒަރުތަކާއި ސާބިތު ހެކިތަކަށް ބިނާކޮށް ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޚާއްޞަމަޖިލީހުގެ ރައީސް އައްބާސް އިބްރާހިމް އެމަގާމުން ބޭރުކުރަންވީ. ދުރުކުރަންވީ.


އަދި އެއަށްފަހު ރައީސުލް ޖުމުހޫރިއްޔާގެ އަމިއްލަ އިޚްތިޔާރުން ހޮއްވަވާ އައްޔަންކޮށް މަޖިލީހަށް ވައްދާފައިވާ ވެރިކަމުގެބާރާއި (ދެމަޖިލީހުގައި ގެންގުޅުއްވާ، 16 ބޭކަލުންގެ ލަޝްކަރު) ވަޒީރުންގެ ގޮތުގައި މަޖިލީހުގައި އޮންނަ ބާރު (މުޅިކެބިނެޓް) މަޖިލީހުގެ ތަޅުމުން ބޭރުކުރަންވީ. މިއީ ވަރަށް މުހިއްމު ފިޔަވަޅެއް. ފުރަތަމަ މިބަހުސްކޮށް ރައީސުލް ޖުމުހޫރިއްޔާގެ ބޮޑުބާރުގެ ގޮތުގައި މަޖިލީހުގައި ހިމެނޭ، މިދެންނެވި، 29 މެންބަރުންގެ ވަރުގަދަ ބާރުވެރިފައުޖު ތަޅުމުން ބޭރުކޮށްލެވިގެން ނޫނީ، ޝަރުޢީ ނިޒާމު ހިންގާނެ ފުރިހަމަ އޮނިގަނޑެއް އެކަށައަޅާ ނުލިޔެވޭނެކަން އަޅުގަނޑަށް ޔަގީން.


ޢަދުލު އިންސާފު ބޭނުމިއްޔާ ފުރަތަމަ ކަންތައް ފުރަތަމަ ފިޔަވަޅެއްގެގޮތުގައި ކޮށް ނިންމަންވީ ވަގުތަކީ، މިއީކަން އަޅުގަނޑަށް ޔަގީން. ވަގުތު ބޭކާރު ކުރާނެ ކަމެއްނެތް. ގައުމީ އެއްބައިވަންތަ ސަރުކާރެކޭ ކިޔައި ޚިޔާލީ ފޮލާ ކައްކައިގެން ކައިގެން މަޖާކޮށް ހެދުމަށް ފަހު، އިސްލާޙު ބޭނުމެއް ނުވޭ! އިސްލާޙު ބޭނުންވަނީ މިހާރުން މިހާރަށް ވީހާއަވަހަށް ގެންނާން، ފޭންނާން!!!


އަޅުގަނޑުމެން ޝަރުޢީ ނިޒާމާބެހޭ ވާހަކަ، އަސާސީގައި ލިޔުމަށް ބަހުސް ކުރިއިރު ޚާއްސަމަޖިލީހުގެ ރައީސް އައްބާސްގެ ހާލުފުޅަކީ، ކޮބައިތޯ ބަލާލަން އެބަޖެހޭ. އަމިއްލަ ދަރިފުޅު ޓެރަރިޒަމްގެ ޢަމަލެއްގައި ތުހުމަތުކުރެވި ބެދުނީމާ، ރައީސުލް ޖުމުހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުންނާ ގުޅައިގެން، އެސޮރު ބަންދުގާ ހުއްޓާނެރެ، އިނގިރޭސިވިލާތަށް ފުރުވާލެއްވުނީ، ކީއްވެތޯ؟ ކިހިނެތްތޯ؟ މިފަދަ އިންސާފުވެރި މުސްތަގިއްލު މަޖިލީހެއްގެ ރައީސެއްގެ ހައިބަތާއި ޤަދަރު މިލްކު ކޮށްގެން އިންނަވަން ލަދެއް ނުގަނޭތޯ؟ ހަމަ އެމައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންނަށް ދޮގު ބަޔާންތަކެއް އީޖާދުކޮށް، ސިފައިން ލައްވާ ސޮއިކުރުވާ ހަދައިގެން މިހާރު ވަނީ ޝަރުޢީ ޙުކުމް އިއްވާފައި.


ޚުދު އަޅުގަނޑުވެސް އެތުހުމަތުގައި، 45 ދުވަހު ރައީސް މައުމޫނުގެ ވަޟަޢީ، އަދި އަސްކަރީ ނިޒާމުގެ ދަށުންނޭ ބުނެ އޭނާގެ ގަދަވެގެންވާ އަޒާބާއި ބާރުގައި ހައްޔަރުކޮށްފައި ބެހެއްޓި. ޝަހީދު ހަސަން އީވާން ނަސީމުގެ މަރާ ގުޅިގެން އެނާ މަރާލެވުނު ދުވަހު މާލެތެރޭގައި ހިނގި، ކަންތައްތަކުގެ މޭސްތިރިއާގެ ލަގަބު އަޅުގަނޑަށްދީ، އެތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުވަންވެގެން ކަންތައްކުރި ގޮތަކީ، ކޮބައިތޯ؟ ދަންނަވަންތޯ؟


އެހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އާދެ! 2003 ސެޕްޓެމްބަރު 21 ވަނަ ދުވަހު، ރައީސް އޮފީހަށް ހުރިހާ ވަޒީރުން އެއްކުރެއްވުމަށް ފަހު، މަޝްވަރާކޮށް ބޮޑުމަޖްލީހެއް ބާއްވަފައިގެން ނިންމެވީ، މިކަންތައްގަނޑު ބޮލުގައި އަޅުވަން އެންމެ ރަނގަޅުވާނީ އަޅުގަނޑު، ޖަވާހިރުވާދީ އިލްޔާސް ކަމަށް.


އާދެ! މިތާ މިތަޅުމުގައި މިހާރުވެސް މިއިންނެވި، ނ.އަތޮޅު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި ވަޒީރު ސާހިބު، (ޔާމީން) މީހެއްގެ ގާތުގައި ވިދާޅުވި އެދުވަހު، ހިނގާ ދިޔަ ހުރިހާ ކަމެއް ހިންގީ ޖަވާހިރުވާދީ އިލްޔާސޭ. އޭނާ އެދުވަހު މަގުމައްޗަށް ނުކުތްޓީމު، ލީޑްކޮށްދޭން އުޅުނޭ، ދަބަސް ގަނޑެއް ކޮނޑުގައި އަޅުވައިގެންނޭއުޅުނީ. އަދި ކުރަންވީ މުހިންމު ކަންތައްތަކުގެ ލިސްޓެއް އެދަބަހުގައި ފޮރުވައިގެން ގެންގުޅުނޭ،


(ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި ވަޒީރުންގެ ބޮޑު ޖަލްސާގައި އެދުވަހު، މިވާހަކަ ދަށްކަވާ، އެއީ އަޅުގަނޑު އިސްކޮށް ހުރެގެން ހިންގި ކަމެއް ކަމަށް ހެއްކާއެކު ދައްކުވައި ދެއްވީ، އޮނަރަބްލް ސަމަރު ބްލޫ އިބްރާހީމް މަނިކެވެ. އެބޭފުޅާއަށް އެކަމާ ގުޅޭ ލިޔުންތައް ތައްޔާރުކޮށްދެއްވާއި ހުރުއެއްޗެއް ބުނެދެއްވީ އާދަމްޒާހުރެވެ. އެދުވަސް ވަރު ރައީސް މައުމޫނަށް، 2003 ގެ ހާދިސާ އާއި 2004 ގެ "ބޮޑުބުރާސްފަތި" ހާދިސާގައި ވެސް ހުރިހާ ރޭވުމަކާއި ބުއްދިވެރިކަމެއް ރާވައިދެއްވީ އެމަނިކުފާނުގެ ކޮއްކޯފުޅު (ޔާނީން) އެވެ. އާދަންޒާހިރަށް ލާފާލިބި ބާރަކަށްވެފައި އޮތީ މިނިސްޓަރު ފަތުޙު ﷲ ޖަމީލް އާއި މިނިސްޓަރު ޒާހިރު ހުސައިނަށް ވުރެ ބޮޑަށް ކޮއްކޯފުޅުގެ ހިކުމަތާއި ބުއްދީގެ ކުޅަދާނަބާރެވެ. ރައީސްމައުމޫނު އަބަދުވެސް ކޮއްކޯ (ޔާމީން) ފުލަށް އެކަމާ ހިތްހެޔޮ ކުރައްވަން ޖެހޭނެއެވެ. އާދަމްޒާހިރަށް އެފަދަކަންކަން ހިންގުނީ ލަފާއަރުވާނެ ވަރުގަދަ ބާރުވެރިފަރާތެއް އަބަދުވެސް ކައިރީގައި ހުރުމުންނެވެ.)


އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖެތެރެއާ ބެހޭ ވަޒީރު، އެދުވަހުގެ ވަޒީރުންގެ މަޝްވަރާ ބައްދަލުވުން ނިންމަވާފައި ވަޑައިގެން އެޓޯލްސް މިނިސްޓްރީގެ ކުރިމަތީ އޮތް އެމަނިކުފާނުގެ ކާރުކޮޅަށް ގެއަށް ވަޑައިގަތުމަށް އަރާވަޑައި ގެންނެވިއިރު، އޮފީހުގެ ރަސްމީގަޑި ކަމުގައިވާ، 2.30 ހަމަވެ ނިމުމާ ގުޅިގެން އަޅުގަނޑު ހުރީ އެދިމާލުން ބޭރަށް ނުކުމެ ގެއަށްދާން ތައްޔާރުވެގެން.


ދުރުން މިނިސްޓަރަށް އަޅުގަނޑު ފެނުމާއެކު، އަޅުގަނޑަށް ޢިޝާރާތް ކުރައްވާ ކާރުގައި ދުއްވަން އިން ޑްރައިވަރަށް ދަންނަވަނީ، އިއްޔެ މާލެތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ އަޑީގައި ބޮޑުމީހަކަށް އިސްކޮށް ހުރީ، އެހުންނެވި އިލްޔާސޭ.


(މިޚަބަރު އަޅުގަނޑަށް ގެނެސްދިނީ، ކާރުކޮޅުތެރޭގައި އިންނެވި، އަޅުގަނޑުގެ ޝަޚުޞިއްޔަތު ހުންނަގޮތުން އަޅުގަނޑަށް ހަމްދަރުދީވާ އެ މަނިކުފާނުގެވެ. މިނިސްޓަރު ހަމީދުގެ އިތުރަށް އެ ކާރުގައި އެވަގިތު އިންނާނީ އޭނާ އެކަންޏެވެ. އެޑުރައިވަރު މިވާހަކަ އަހުރެންގާތުގައި ބުނެދިނީ މާފަހުންވެ. ސިފައިން މިކަން ރާފައި އިތްލެއް މޮޅުކަމުން ކެބިނެޓުގެ ވަޒީރުން މިނިސްޓަރު ހަމީދާއި މިނިސްޓަރު ޔާމީނުމެން ފަދަ އެޖަލްސާގައި ބައިވެރިވެވަޑައިގެން، އެދުވަހު ތިއްބެވި ހުރިހާ ބޭފުޅުންނަށް ގަބޫލުކުރެއްވިފައި އޮތީ އަޅުގަނޑު އިސްވެ ހުރެ ހިންގިކަމެއް ކަމުގައެވެ. މި ހުންނަނީ އޭރު މިކަހަލަ ކަންކަން ކުރާ ގޮތެވެ. ސިފައިންގެއިން ރާވާލާލެއް މޮޅުކަމެވެ. އަޅުގަނޑުގެ މިނިސްޓަރަށް ވެސް އެވަގުތު އެ ހުންނެވީ ސިފައިންރާލިރޭވުންތައް ގަބޫލުފުޅު ކުރެއްވިފައެވެ. އޭރަކީ ރައީސް މައުމޫނައި އާދަމްޒާހިރު ބޭނުންވާގޮތަކަށް ބޭނުންވާކަމެއް ރާވާލެވޭ ދުވަސްވަރެވެ. އަދި އެހެން ވަޒީރުންނަށް އޮޅުވާލައިގެން އެފަދަ ކަންކަން ތަންފީޒުކޮށްލައެވެ. ހަގީގަތުގައި ހަމީދު މިނިސްޓަރާއި ޔާމީނު މިނިސްތަރަށް މިރޭވުން ސިފައިންރާވާފައި އޮތްގޮތުން މިވަނީ އޮޅިވަޑައިގެންފައެވެ. އަޅުގަނޑުގެ ފޯޓޯވެސް އެބައްދަލުވުމުގައި ގެންގުޅުނީއެވެ.)


އާދެ ހަމީދު ކާރުކޮޅުގައި އޭރު، އިންނެވިއިރު، އެހިނދު އަޅުގަނޑު ހިފާހައްޔަރު ކުރުމަށް ހޯދަން އައިސް ތިބި ސިފައިންގެ މީހުން ކުރިމަތީގައި ތިބެގެން އެޓޯލްސްގެ މުއައްޒަފެއްގެ ކައިރީގައި އިލްޔާސް ކޮބާތޯ؟ އަހާ ސުވާލުކުރާތަން އަޅުގަނޑަށް ފެނޭ. ހަމީދުކާރުކޮޅު ވެސް އެތާ އޮއްވާ ފެނޭ. އެތަނުން ކުއްޖަކު އަޅުގަނޑު ދެއްކުމުން އިލްޔާސްކަން ޔަގީންކޮށްލަން އަހާލި އެއްޗެއް އަހާލުމަށް ފަހު އިތުރު އެހެން ވާހަކައެއް ނުދައްކާ އަޅުގަނޑު ގެންގޮސް ވެއްދީ ޖަލަށް. ކުޑަގޮޅިއަށް. ދެން ފެށުނީ ރައިސް މައުމޫނަށް ސިފައިން ރާވައިދިން އަނިޔާވެރި އަޒާބުތައް.


އާދެ! މިއީ ވަޒީރުން ތިއްބެވި މަޝްވަރާ ބޮޑުޖަލްސާގެ ނަތީޖާ. އަވަހެއްނޫންތޯ އަމަލީ ސިފަ ގެނެވެން ފެށިލެއް!!! އަދި، އޭރަކު މިނިސްޓަރ ހަމީދަށް އަދި ގެއަށް ވަޑައެއް ނުގެންނެވޭނެ ކަން ކަށަވަރެވެ. އެދުވަހުގެ ހަރަކާތް ތަކުގައި އަޅުގަނޑު އުޅުނު ކަމަށް ސިފަކޮށް، ސޫރަ ކޮށްގެން އެއުޅުނީ މުޅިން އެހެންމީހެއްގެ ފޮޓޯއާއި ވީޑިޔޯ، އަޅުގަނޑުގެ ސިފާގައި ފެނިގެން. ނޫނީ ދައްކައި ސިފަކޮށްގެން. ސޫރަކޮށްގެން. މިކަންތައް މިގޮތަށް ކުރީ، ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުން އަސްކަރީބަޔަކު ލައްވާ ރާވައިގެން. މިފަދަ ނިޒާމެއްގެ ވާހަކަ އަޅުގަނޑުމެން ތަޅުމުގައި މިދައްކަނީ، ހަމަ ޔަގީނުންވެސް އިޚްލާސްތެރި ކަމާއެކު، އިސްލާހުކުރުމުގެ ނިޔަތުގައި. އެހެނަސް ކަން އޮތްގޮތް ކުރިމަތީގައި މިއޮތީ ރީތިކޮށް އަމަލުން ފެންނަން.


ޝަހީދު ހަސަން އީވާން ނަސީމް މަރުވި ދުވަހު، އޭނާގެ މޫނު ފުރަތަމައަށް ކަޝްފުކޮށް، ދުށުމަށް ފަހު، ސަހަރާ މިސްކިތުގައި ޢަޞުރު ނަމާދު ޖަމާއަތުގައި ކޮށްގެން އަޅުގަނޑު ދިޔައީ ހުޅުމާލޭފެރީ ޓާމިނަލަށް. ދެން، އަޅުގަނޑު އުޅުނީ ހުޅުމާލޭގައި. މާލެ އާދެވުނީ ރޭގަނޑު އަށްގަޑިބައިވެ ބޮޑުވި ފަހުން.


އޭރު އަތިރިމަތީގެ ހުރިހާ ހިސާބެއްގައި ތިބީ، މުޅި މާލެ ކޮންޓްރޯލް ކޮށްގެން ތިބި ސިފައިން، ބަރިބަރިއަށް ސަފުހަދައިގެން. ކަރަންޓު މުގުރާއި ތައްޔާރީ ހާލަތުގެ އޭތި މީތި ހިފައިގެން. ޓޭންކު ވައްތަރުގެ ބަޑިހަރުކޮށް ފައިހުރި (އާމަޑް) ވެހިކަލެއްގައި ސިފައިންގެ ސަރަހައްދަށާއި ކޯސްޓްގާރޑް ބިލްޑިންގް ކާރިޔަށް ނުދިއުމަށް އަޑުގަދަކޮށް ގޮވަމުން ގެން ދިޔަ. އަޅުގަނޑު ފައިމަގުގައި ބީޗުމަގުން، ހިނގާފަ ގޮސް ގެއަށް ވަނީ.


ދެން ނުކުތީ އަނެއްދުވަހު ހެދުނު އޮފީހަށް، އެޓޮލްސް އަށް ދިއުމަށް. އެޓޮލްސް އިން ދެން ގެންދެ ވުނީ ސީދާޖަލަށް. އާދެ! އަޅުގަނޑު މިދަންނަވާލީ މިހާރުގެ ސަރުކާރުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ކަންތައް ކުރާގޮތުގެ ބޮޑު ވެގެންވާ ރީތި ފާޅުކަން ބޮޑު މިސާލެއް.


ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގައި ހުރި މޮޅުކަން. އަސާސީގައި ލިޔެވިފައި ހުރި ރީތި ޢިބާރާތްތަކާއި ލިޔުންތައް ހަމަ ހުރިގޮތަށް ފަނޑުވުމެއް ނެތި ކިޔާލަން ފެންނާން އެބަހުރި. މުޅި ޝަރުޢީ ނިޒާމުގައި އޮތީ މަސްނޫއީ ސިޔާސީ ކުލަވަރު ޖެހިފަ. ވައްތަރެއްގެ އަމިއްލަ ސަގާފަތެއްގެ ކުލަ އާއި ސިފަޖެހިފަ. ވާކަމެއް ހަމަ ހަރާމުން ހަރާމް. ހައްގު ލިބި ދީ، ހޯދައި ދެވޭ އެކަކުވެސް ނެތް. ހުރިހާ ބޮޑުން އެއްވެފައި، ރައީސް އޮފީހުން އެނެރޭ ބާރުތައް އަސާސީއަށް ވުރެ މާ ވަރުގަދަ.


އާދެ! ކިތަންމެ މޮޅަށް އަސާސީގައި އަދުލު އިންސާފުގެ ބާބު ލިޔުނަސް ރައީސް މައުމޫނުގެ އަމިއްލަ ސަގާފަތަކަށް ހަދާފައިވާ، ބަގުޑިބެއްދުމުގެ މިސިސްޓަމުގައި ވާނެކަމެއް ނޯންނާނެ. ހުރިހާކަމެއް ހިންގަމުން ގެންދާނީ ރައީސް އޮފީހުން. ރިޔާސީގަނޑުވަރުން. ތަހުގީގަކަށް ވިޔަސް، ހުކުމަކަށް ވިޔަސް، ރައީސް މައުމޫނު އަންގަވާ ގޮތަށް، ވަރަށް އޮމާން ކަމާއެކު ކުރިއަށް ދާތަން ފެންނަމުންދަނީ.


މިސް ޖެނިފާ ލަތީފްގެ މައްޗަށް އެހެރީ ބޮޑުހުކުމް އިއްވާފަ. މިހާރު ހުކުމް ތަންފީޒުކުރަމުން އެގެންދަނީ. ސިޔާސީ ބޭނުމެއް އެހިފަނީ. އެހެނަސް މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސްގެ ދަރިފުޅު އެހެރީ އިގިރޭސިވިލާތުގަ، މިނިވަނެއްގެ ގޮތުގައި މަޖަލާއި އަރާމް ކުރަން. މަސްތުގައި މިނިވަން ކަމަށް ދޫކޮށް ލެވިފަ. އަމިއްލަ އެދުމުގެ ބޭނުމެއް އެހިފަނީ. ޢަދުލު އިންސާފު އޮތީ އޮތްތާގައި އަސާސީގެ ބަނޑޭރި ގަނޑުތެރޭގައި. އެއްޗެއް ބުނަން ކެރެނީ ކާކަށް ތޯ! އަޅުގަނޑުމެން މިތިބީ އެވަރުގެ ރައީސެއް ކުރިމަތީ ބައިންދައިގެން، އަޅުވެތިވެފަ.


އާދެ! އަޅުގަނޑާ ދެކޮޅަށް ހެކިބަސް ދެފަހަރަކު ލިޔެ ތައްޔާރުކުރި. މައްޗަންގޯޅި ނައިބުގެއަށް ނިސްބަތްވާ ހަލީމެކޭ ކިޔުނު އޮފިސަރަކު، މިކަންތައްގަނޑު ހިންގީ ނުލާހިކު ހީލަތްތެރި ކަމާއެކު. މަކަރާއެކު. އެހެނަސް ތައްޔާރު ކުރެވުނު ބަޔާން ތަކުގައި ސޮއިކުރަން ކެރޭވަރުގެ ސިފައިންގެ މީހަކު ވެސް، އަދި ޕާޓޭންގެ ގޮލައަކުވެސް ނުވި. އެހެންވެ ދޫކޮށްލީ.


ޖެނީގެ މައްޗަށް ހެކިބަސް އުފެއްދި ގޮތަށް މިމީހުންނަށް އަޅުގަނޑުގެ މައްޗަށް މިފަދަ ދޮގުބަޔާން ތަކެއް، ﷲ ގެ އިރާދަފުޅުން ނުހޯދުނު. އީޖާދެއްވެސް ނުކުރެވުނު. ޖެހުނީ، 45 ދުވަހު އަނިޔާ ކުރުމަށް ފަހު، ދޫކޮށްލަން. އެހެންވެ މިހުރީ މިނިވަންކޮށް. ﷲ ގެ ރަހްމަތުގައި.


ހަރަކާތްތެރިވާ ކަށިނެތް ދުލެއް، ﷲ ތަޢާލާ ދެއްވާފައި ވާތީ މިގެންދަނީ ހައްގު ބަސް ބުނަމުން. އިއްވަމުން. މިތަޅުމުގައި ސިންގާއެއްހެން ބާރުގަދަކޮށް މިހުރީ. ބޭނުންވާހަކައެއް މިދައްކަނީ. ފަހެ، މިއީ އަަނިޔާވެރިންގެ މައްޗަށް، ﷲ ގެ ކުޅަދުން ވަންތަކަން ހާމަވެފައި ވާ މިންވަރު. ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭ ހުށީ! އަލް ޙަމްދު ލިއްލާހި ރައްބިލް ޢާލަމީން!!!


އާދެ! ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީނިޒާމުގެ ވާހަކަ ދައްކާއިރު މިއީ ކޮންމެހެންވެސް ބަލާލަންޖެހޭ މުހިއްމު ބާބެއް. ރައީސް މައުމޫނުގެ، މިކަޅު ދޮރާށިން ޢިބްރަތް ނުހޯދާ މިގައުމުގައި ޢަދުލު އިންސާފު ހޯދޭކަށް ނޯންނާނެ. އާދެ! މިދެންނެވި ތަހުގީގުގެ އެންމެ ހެއްވާކަމަކީ، ރައީސް މައުމޫނުގެ ބޮލުން މިކަންތައް ނައްޓާލުމުގެ ބޭނުމުގައި މުޅި ގައުމަށް އިއުލާނެއް ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މި ތަހުގީގުގައި ހިލަބުރިތަކެއް ހެން ގާވެފައި ތިބޭ ބޮޑެތި ބުދުކޮއްކޮއިންގެ ގޮތުގައި، ރައީސް މައުމޫނުގެ އަމިއްލަ ސަލާމަތުގެ ބޭނުމަށް ބޭތިއްބެވިކަން ވަރަށް ސާފު.


މިއީ ވަރަށް މޮޅަށް ހިލައިގެ ބުދުން ބައިތިއްބައިގެން ހިންގި ހެއްވާ ވައްތަރެއްގެ ތަހުގީގެއް. އަޅުގަނޑާ ކުރިމަތިވި މޫނުތަކުގެ ތެރޭގައި މުޅި މަޖިލީހުގެ ތާރީޚުގައި ވެސް ރައްޔިތުންގެ ޙައްގުގައި މިހާތަނަށް ބަހެއް ބުނެފައި ނެތް އަލްފާޟިލް ކެލާ ނިޒާމް ސާހިބަކާއި ގދ.ގެ އިއްޒަތްތެރި ސިދްގީ ސާހިބަކާއި ގއ.ގެ އިއްޒަތްތެރި ރާމިޒު ސާހިބެއް ހިމެނޭ.


އަދި ނ.އަތޮޅުގެ ޢިއްޒަތްތެރިމެންބަރު ޢަލީ މުޙައްމަދު ސާހިބު ވެސް އެތަހުގީގުގައި ބުދެއްހެން ގެންގުޅުއްވި. އަދި، އަލަށް ފެއްޓެވި ކަމެއްގެ ގޮތުގައި، އޭޖީ އޮފީހުގެ ބޮޑު ގުރޫޕެއް ވެސް ތަހުގީގުގައި ގެންގުޅުއްވި. ދައުވާކުރަން ތިބޭބަޔަކު ތަހުގީގު އަޑުއަހާ ލަފާދޭން އައިސް ތިބޭތަން މިފެންނަނީ އަލަށް. މިއެންމެން އުޅުނަސް، ތަހުގީގުގެ ހުރިހާ ކަމެއް ކުރީ ފުލުހުންނާއި ސިފައިން އެކަނި.


ޢިއްޒަތްތެރި މެންބަރުން ގެންގުޅުނީ ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ދަޅަދައްކާ އަނދުން އަޅުވަން. އެވެރިން އުފާކޮށް ރިޔާސީ އިންތިޚާބުގައި މަޖިލިސް ވޯޓުން އިއްތިފާގު ހޯދުމަށް، އޭޖީ އޮފީހު ޓީމު ގެންގުޅުނީ، ދައުވާ ކުރަން ފަސޭހަވާ ގޮތަށް ބަޔާންތައް ކޮށާމަށާ ކިއްސަރު ކުރަން.


އާދެ! މިއީ އަސާސީގެ ދަށުން މިގައުމުގައި ޝަރުޢީ ނިޒާމް ތަންފީޒުކުރާ ގޮތުގެ ކުޑަކުޑަ މިންވަރެއް. ހަގީގަތުގައި މިއީ ޝަރުޢީ ނިޒާމަށް ކުރަފި އެރުވަން ކެއްކި ބޮޑުހަކުރު ގަނޑެއް. އިރާދަ ކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ދާނީ ފަޟީހަތް ވަމުން. ރައްޔިތުންނަށް ހަގީގަތްތައް ފަޅާއަރަމުން. ފޮރުވައިގެން ގެންގުޅުނު އެންމެ އަޑީގެ ސިއްރުތައް ބޭޒާރުވަމުން ބަލިކަށި ވަމުން. ރޫޅެމުން. ޟަޢީފު ވަމުން. އަބަދަކު އާދަން ޒާހިރަކަށް އަންބަރީއަކަށް އަނދިރި ރޭވުންތަކެއް ރާވައެއް ނުދެވޭނެ.


އަންބަރީގެ ހަނދާނެއް
އަންބަރީގެ ހަނދާނެއް

އެއިގެ ހެއްކެއް ދަންނަވާލާނަން. ދަޢުވަތު ދީގެން އެމެރިކާއިން ގެންނެވި މާމޮޅު ޕްރޮފެސަރެއް ކަމުގައިވާ މރ.ޕޯލް ރޮބިންސަން އެކުލަވާލި ރިޕޯޓްގައި އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގައި ހިނގަމުންދާ ޝަރުޢީ ނިޒާމު ވަނީ ދިވެހިންނަށް، ޢަދުލު އިންސާފު ގެނެސް ދިނުމަށް ނުކުޅެދިފަ އޭ.


(ޕްރޮފެސަރ ޕޯލް ރޮބިންސަން (Prof. Paul H. Robinson) 2004 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ (UNDP) އާއި ދިވެހި ސަރުކާރުގެ އެޓާނީ ޖެނެރެލް އޮފީހުގެ އެދިވަޑައިގަތުމަކަށް އެކުލަވާލެއްވި "Report on the Criminal Justice System of the Republic of Maldives" ގައި އޭނާގެ ދިރާސާތައް ފެނާނެއެވެ. އެ ރިޕޯޓުގައި ޕްރޮފެސަރ ޕޯލް ރޮބިންސަން ފާހަގަ ކުރައްވާފައިވާ ގޮތުން، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ނުކުޅެދިފައިވާ ފަދަ ހާލަތެއްގައެވެ.)


އާދެ! މިހެން މިވާންޖެހުނީ ރައީސް މައުމޫނަކީ ހުރިހާ ބާރަކަށް ވުރެ އެންމެ މަތީ ބާރުކަމަށް އަމިއްލައަށް ދެކި، ކުޑަ ރަސްކަލާގެއަކަށް ހެދިގެން، އެގޮތަށް އެކަންތައް ކުރައްވަމުން ގެންދަވާތީ. ރައްޔިތުންވެސް އެގޮތް ރުހިގެން ކުޅިބަލަން ތިބޭތީ. އަތްތިލަ ބަޑިޖަހާއި ނަށާތީ. ރައްޔިތުން މަޖިލީހުން ވެސް އެކަން ގަބޫލުކޮށް އަމިއްލައަށް ކޮނޑުއަޅައި އެބުރަ އުފުއްލަވައިގެން ހަމަހިމޭންކޮށް މަޑުމަޑުން ތިއްބަވާތީ.


ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މިހާރު އޮންނަ ގޮތުން ރައީސް މައުމޫނު އައްޔަން ކުރައްވާ އޭނާގެ މީހަކަށް ވާތީ. ކަން މިހެން އޮތަސް، ރައްޔިތުންގެ ދެ މަޖިލީހުގެ ދެރައީސުން ވެސް، އުފުއްލަވަން ޖެހޭ ޒިއްމާ ތަކެއް ވެސް މިކަންކަމުގައި ވާނެ. ހަމަގައިމުވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން ރައީސް މައުމޫނުގެ އެހީއެއް ނުވާނެ. ނުލިބޭނެ.” (ނިމުނީ އަލިފުހާ.)


އެފަހަރު ރިޔާސީއިންތިޚާބުގައި މަޖިލިސް އިއްތިފާގު ހޯއްދެވިގޮތް:


އާދެ! ދެން މިގެނެސްދެނީ މިޙާދިޘާއާ ގުޅިގެން އެފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގު ރައީސް މައުމޫނު ހޯއްދެވި ގޮތުގެ ތަފްސީލެވެ. އަންނި ޖަލުގައި ހައްޔަރުގައި ބެހެއްޓުމަށް ފަހު، ޅ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް މުހަންމަދު ސޯލިޙް (އިބޫ) ގެވޯޓު ހޯއްދެވި ގޮތުގެ ފުރިހަމަ ތަފްސީލެވެ. މިއީ ވެސް މިޙާދިޘާ އާ ގުޅުންހުރި ކަމަކަށް ވާތީ މިތާނގައި ފާހަގަކޮށް އެ ވާހަތައް ގެނެސްދެނީއެވެ.


އަދި، 2003މ. ވަނަ އަހަރުގައި އިއްތިފާޤު ލިބުމުގެ ޝަރަފު ހޯއްދެވީ، 19، 20 ސެޕްޓެމްބަރު 2003މ، ގައި ހިނގި ޙާދިޘާތަކާ، ވިއްދައިގެން ކުރެވުނު ގިނަގުނަ ސިޔާސީ މަސައްކަތާ ގުޅިގެންނެވެ. މިފަހަރުގެ މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ، އަދި އެޝަރަފު އެރުއްވި ހައްގުވެރިއަކީ، ކޮއްކޯފުޅު އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫ މެވެ. ތަންފީޒުކޮށްދިނީ އާދަމްޒާހިރެވެ. ސިފައިންނެވެ. އޭރު ޔާމީނަކީ އެންމެ ބޮޑަށް މައުމޫނަށް އިޚުލާސްތެރި ވަޒީރެވެ. އަދި ބޭބޭދެކެ ލޯބިވާ ކޮއްކޯފުޅެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ރައީސް މައުމޫ އަބަދުވެސް ހަނދާން ކުރައްވަން ޖެހޭނެއެވެ.


ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އާދަމްޒާހިރާއި އަންބަރީއަށް މައުމޫނު ދިފާއުކޮށް ދީ ފަހު ދައުރުގެ ފަސްއަހަރު ނެންގެވުމުގައި ހުރިހާ ހިތްވަރެއް އޭރު އެންމެ ގަދަޔަށް ލިބުނީ މި ކޮއްކޯފުޅު ފަރާތުންނެވެ.


އަންބަރީ އަބްދުއްސައްތާރު
އަންބަރީ އަބްދުއްސައްތާރު

ސިފައިން އަނިޔާކޮށް ޝަހީދުކޮށްލި އީވާން ނަސީމާއި ޖަލުގައި ޖެހިބަޑީގެ ވަޒަންތަކުގެ މަރާގުޅިގެން، 20 ވަނަ ދުވަހު، މާލެތެރޭގައި ޢައްބާސް އިބްރާހީމުގެ ދަރިކަލުން، ޒިޔާ ޢައްބާސް އިބްރާހީމު އިސްކޮށް ހުންނަވައިގެން، އޭނާގެ އަމުރުމަޢުރޫފު ހިނގާޕާޓޭންގެ ގުރޫޕެއްގެ މަސައްކަތުން، މާލޭގެ މަގުމައްޗަށް ބަޔަކު މީހުންނުކުމެ ހިންގި ޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ، ތަންތާގައި އަލިފާންޖަހައި، ހިންގިހުރިހާ ޙަރަކާތެއްގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ފަހު، އަޅުގަނޑު ބަހައްޓާފައި ހުރީ، އަނދިރި ބިންގަރާހެއްގެ ޖަލުގެކުޑަގޮޅީގައި ހައްޔަރު ކޮށްފައެވެ.


މިއީ މީގެކުރިންވެސް މިކަން ކުރަމުން ދިޔަގޮތެވެ. ސިޔާސީ ބޮޑެތިތުހުމަތު ތަކުގައި އެންމެކުރިން ހިފާހައްޔަރު ކޮށްފައި ހުރީ، ސީދާ އަޅުގަނޑެވެ. 1990މ، ވަނަ އަހަރު ބިންބިފޯހުގެ އިސް އަމުރު ވެރިޔަކަށް، ޢައްބާސް އިބްރާހީމް ހުންނަވައިގެން މާލެތެރޭގައި ހިންގުނު، “ހުޅުޖެހުމުގެ ޙާދިޘާ” ގައި ވެސް އެންމެއިސްކޮށް ހައްޔަރު ކުރީ ސީދާ އަޅުގަނޑެވެ.


އާދެ! “ބޮޑުހުޅުޖެހުމެގެ ޙާދިޘާ” އަކީ ދިވެހިތާރީޚުގައި މާކުރިން ހިނގާފައިވާ ސިޔާސީ ހުޅުޖެހުމެކެވެ. 1990މ. ވަނަ އަހަރު މާލެ ތެރޭގައި ބަޔަކުހިންގި ހުޅުޖެހުމުގެ ޙާދިޘާއަކީ ވެސް ސިޔާސީ ހުޅުޖެހުމެކެވެ. އެހުޅުޖެހުމަށް އަޅުގަނޑު ދީފައިވާ ނަމަކީ، “ބޮޑުހުޅު-1990" ޙާދިޘާ މިހެންނެވެ.


ބޮޑުހުޅު ޖެހުމުގެ ޙާދިޘާ ލިޔުއްވާފައިވަނީ އަލްމަރްޙޫމް އަބްދުލް ޙަކީމްޙުސައިން މަނިކެވެ. ކުޑަފޮތެއްގެ ގޮތުގައި އެވާހަކަލިޔުއްވައި ނެރުއްވާފައި އޮންނާނެއެވެ. ހޯއްދަވައިގެން މުތާލިއާ ކުރައްވާށެވެ. އެންދެރި އައްބާހާއި އިލްޔާސްގެ ބިންބިފޯހުގެ ސިޔާސީ ހުޅުޖެހުމައި އެއްވެސް ތަފާތެއް ނުވާނެއެވެ.


ބޮޑުހުޅުގެތާރީޚު
ބޮޑުހުޅުގެތާރީޚު

ފަހެ، އެކަމާ ކުރެވުނު ބަންދުގައި އަޅުގަނޑު ދީފައިވާ ބަޔާންތަކެއް ކަމަށްބުނެ، ޤައުމީ ޓީވީންނާއި ރޭޑިޔޯއިން ގެނެސްދިނީ، ނަކަލީބަޔާން ތަކެއް ސިފައިން އަމިއްލައަށް އުފައްދާއި ހަދަހަދައި ގެންނެވެ. އެބަޔާން ތަކަކީ، ތަޙުޤީޤު ކުރި ސިފައިން އަމިއްލައަށް އަޅުގަނޑުގެ ނަކަލީ ސޮއިޖަހައިގެން އިޖާދުކުރި އެއްޗެކެވެ.


މާލެ ތެރޭގައި ބޮޑުހުޅު-1990 ގެ ޙާދިޘާ ހިންގިކުދިން ތެތްއަތާ އެކު ހިފުނީ، މިކަމުގެ ތުހުމަތުގައި އަޅުގަނޑު ޖަލުގައި ބައިންދާފައި އިންދައެވެ. އެކުދިން އަތުވުމަކީ، އަޅުގަނޑުގެ ދުޢާ އާއި ނަޞީބެވެ. އެހެންނޫންނަމަ އެކަމުގެ ޝަރުޢީޙުކުމް އިއްވީހީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންގެ މައްޗަށްކަން ކަށަވަރެވެ.


އެދުވަސްވަރު އިޢުތިރާފު ހޯދުމަކީ، އުނދަގު ކަމެއްނޫނެވެ. ބަޔާންތައް ތައްޔާރުކޮށް ކޮށާމަށާއިހަދާނީ، ސިފައިންނެވެ. އަނދަގޮނޑި ޖެހުމާއި ޗޭނުޖަހާ ވާންކުރުމާއި އެއްހުޅުބިޑި އެޅުވުމާއި ކީސްބިޑި އެޅުވުމާއި އެއްއަތާއި އެއްފަޔާއެކު ގުދުކޮށްފައި ބިޑިއެޅުވުމާއި އަދިވެސް އާވައްތަރު ވައްތަރުގެ، ޖަމަލު އޮބަހައްޓަން އަޅުވާޒާތުގެ ދަބަރުޖަހާފައި ހުންނަ ދަނގަނޑުބިޑި ވެސްއޭރު ގެންގުޅުނެވެ. އަޅުގަނޑުމެންގެ އަތުގައި މިވަށްތަރުގެ ބިޑިތައް އަޅުވާހެދިއެވެ. އަދި، ސިފައިން ތިބެގެން ސީދާކޮށް، ކުރަމުންގެންދާ އަނިޔާތަކުގެ ބޮޑެތި އަހުވާތައް ދެއްކުމަކީ، ބަޔާން ފުރިހަމަ ކުރުމުގެ ހުނަރުތަކެވެ.


ހިސާބު އަކުރުގެ އަށެއްހެންއޮތް، ދަބަރުކުލައިގެ އެއްހުޅުލީ ބިޑިއެއް އަޅުގަނޑުގެ ދެއަތްއެއްކޮށް ފިއްތައި ގަދަކަމުން ހަންގަނޑާއެކު، ސުލޭމާނު އޭ ކިޔުނު ސިފައިންގެ ބޭކަލަކު އެޅުވީ، އަބްދުއްޝަކޫރު ޢަބްދު ﷲ އިސްކޮށް އިންނެވި ތަޙުޤީޤު ކޮމެޓީއެއްގެ ކުރިމަތީގައި އޭނާގެ އޯޑަރަށެވެ. މިއީ އިނގިރޭސި ވިލާތު ކުންފުންޏެއްގެ ބްރޭންޑު އޮޅުވާލައި ޑުޕްލިކޭޓްުނަމެއްގެ ދަށުން އުފައްދާފައިއޮތް ނަކަލީ ބިޑިއެކެވެ. ސިފައިން އަމިއްލައަށް ވެލްޑިންކޮށްގެން ބައެއް މީހުންގެ އަތަށް ހެޔޮވަރުވާގޮތަށް ހަދާފައިއޮތް ބިޑިއެކެވެ.


މިބިޑިއަޅުވާ ތިއްބާލުމުން ދެއަތު މުލައްދަނޑި އޮންނަނީ އެއްކޮށްޖެހި ދެއަތްތިލަ ފެށުނުހިސާބުން އުޅަބުއްޓާ ހިސާބަށް ފިތިބާރުކޮށް ބަނދެވިފައެވެ. ކުރީޒަމާނުގައި މިހެންހަދަން ހަދާގޮތަކީ، ރޯނުފެނުން ތެންމާލައި ކަށިވެއްޔާއިއެކު މޮޑެލާފައިނަގާ ފަށަކާފަށެއް ޖައްސާދެއަތު މުލައްދަނޑި އެކުގާ އޮޅާލަނީއެވެ. ކާންޖެހޭނީ ބުޅާކައިއުޅޭ ގޮތަށެވެ. ހީސިދޮވެ ސީދޮވެވޭނެ ގޮތެއް ނޯވެއެވެ. ބިޑިނައްޓުވާ ފެންވަރުވަނީ ހަފްތާއަކު އެއްފަހަރެވެ.


ޑުޕްލިކޭޓު މިބިޑިއާގުޅޭ ހެކިތައް މިހާރުވެސް އަޅުގަނޑުއަތުގައި ފޮރުވާފައި ހުންނާނެއެވެ. މިއަނިޔާތަކަށް ފަހު، ހަމަބުއްދިޔާއި ފުރިހަމަ ހަށިގަނޑައިގެން މިހުރެވުނީ، އަޅުގަނޑުގެ ކެތްތެރިކަމާއި ޢަޤީދާވަރުގަދަ ކަމުންކަމަށް މިހާރު ޤަބޫލު ކުރެވެއެވެ. މިހާރުވެސް ވާރޭވެހި ޖައްވުފިނި ވެލީމައި އުނަގަނޑަށް ތަދުއަރައެވެ. އެތެރެ ހައްޓަށް ގޮތްނޭނގޭ އިތުރުގޮތްގޮތް ވެއެވެ. ތަދުތައް އަރައިގަނެއެވެ. މިހުރީ މުޅިއުމުރަށް ތަހައްމަލުކުރަން ޖައްސާފައިވާ އަނިޔާއެވެ.


ފަހެ، ދަންނާށެވެ! މިތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ހ.ބުރެވިމާގޭ ގަރާޖުގައި އޮތް ކާރެއް ރޯކޮށްލިތަނުން ތެތްއަތާ އެކަންކުރި ކުދިން ހިފި، ހައްޔަރުވުމުންނެވެ. އަދި އެކަންކުރިކަމަށް އެކުދިން އެއްބަސް ވުމުންނެވެ. ޖަލުގައި އިނދެގެން އަޅުގަނޑު، ﷲ އަށް ދެންނެވި ދެންނެވުން، ﷲ ފިޔަވައި އެހެންފަރާ ތަކަށް ނޭގޭނެ ކަންކަށަވަރެވެ.


މިކުދިން ތެތްއަތާ އަތުވުމަކީ މި ދުޢާތައް، ﷲ އިޖާބަ ކުރެއްވުން ކަމުގައި އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރަމެވެ. އެކަމާ، ﷲ އަށް އަބަދުވެސް ޝުކުރުވެރިވީމެވެ. އަދި ވަމުންދާނަމެވެ. އަޅުގަނޑުގެ ތަޖުރިބާއިން ސާބިތު ކުރެވުނު އެއްޗަކީ އިންސާނާ، ﷲ އައި ކައިރިވި ވަރަކަށް އެމީހަކައި، ﷲ ކައިރިވެ ވޮޑިގަންނަވާކަމެވެ.


އަދި ހެޔޮނިޔަތުގައި ކުރެވޭ ހެޔޮދުޢާއަކީ އެއްވެސް ހުރަހެއްނެތި، ﷲ ޤަބޫލުކުރައްވާ އެއްޗެއްކަމެވެ. އާދެ! މީގެ އިތުރުން އަނެއްދުވަހު ތަޙުޤީޤުގައި ވާނެގޮތްތައް ހިތަށް ވަދެ، އެހެން އެކަންދިމާވެ ތަޖްރިބާ ކުރެވިފައި އެބަހުއްޓެވެ. އަދި އަނިޔާކުރި މީހުންގެ ހިތްތަކަށް ބިރުވެރިކަން، އެކިގޮތްގޮތުން އެދުވަސްވަރު ވަތްކަމާއި ބައެއްފަހަރު ބިރުންއުޅެން ޖެހުނުކަން، ފަހުން އެމީހުންގެ ވާހަކައިން އަޅުގަނޑަށް އެނގިފައި ވެއެވެ.


ފުރަތަމަ ފަހަރަށް ޖަލުން ފާނޫޒުތައް ބޭރުކޮށް، ކުޑަގޮޅިތަކަށް އަލިއެޅޭ ގޮތަށް ބޮތްކެއްލާން ޖެހުނީ މިކަމާހެދިއެވެ. ބައެއްފަހަރު ދަންވަރު ގާޑުކުރުމަށް ތިބޭ ސިފައިގެކުދިންނަށް އަޅުގަނޑުގެ ޞޫރަ އެކުދިންނަށް ދަންވަރު ފޯރީގައި ފެނިގެން އެކަމާ ހެދި، އިރުއެރުމުން އަޅުގަނޑު ގެންގޮސް ސުވާލުކޮށްފައި ވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ މިއީ އެންމެ ރަނގަޅުނޫން ޖިންނިއެއްގެ ބާރުގެ އަސަރުތައް ކަމުގައެވެ.


އާދެ! ކެމެރާއެއްގެ ތުހުމަތެއްގައި ބަންދުކުރެވުނީ ކަމަށްހަދައި، މާލެ ތެރޭގައި، ސިޔާސީ ހުޅުޖެހުމުގެ ޙާދިޘާގައި އަލިފާން ޖެހިކަމަށް އެއްބަސްވި ކުދިންނައި ވާހަކަދެކެވޭ ގޮތަށް، ބިންބިފޯހުގެ އެޖެންޓަކު (ބިންބިފޯހުގެ ވަރަށް އިސްމީހެއް) ޖަލަށް ފޮނުވައިގެން، އޭރުމާލޭގެ އިސްމެމްބަރުކަން ކުރެއްވި ޑޮކްޓަރު މުޙައްނަދު ވަހީދު ޙަސަން މަނިކުގެ ބޮލުގައި އެ ހުޅުޖެހުމުގެ މިކަންތައްގަނޑު އެޅުވޭތޯ ވަރަށް މަސައްކަތް ކޮށްފައިވެއެވެ.


މިތުހުމަތު ޑޮކްޓަރު ވަޙީދުގެ މައްޗަށް އުފުލޭނެ ގޮތް ރާވާލައިގެން، އެކުދިންނަށް އަކުރުން އަކުރަށް މިރޭވުންގަނޑު ލައިދެވުނެވެ. ޑޮކްޓަރު ވަޙީދު އެކުދިންނައި ބައްދަލުކުރެއްވި ތަނާއި ދެއްކެވިވާހަކަ ތަކާއި ތަންފީޒުކުރަން ޙަވާލުކުރި ކަންތަކުގެ ލިސްޓެއް އެކުދިންނަށް ޖަލަށް ދިޔަ ބިންބިފޯހުގެ އިސްމީހާ ކިޔައިދީ، ދަސްކޮށްދިނެވެ.


އެހެނަސް ސާފު ދޮގަކަށް ވާތީ އެކުދިން، ތަޙުޤީޤުގައި އެވާހަކަތައް ނުދެއްކީ ކަމަށް އެތަނުން އެއްކުއްޖަކު، އަޅުގަނޑައި ޖަލުން ދިމާވެގެން ކިޔައިދިނެވެ. މިހުރީ ސިޔާސީގޮތުން ރޭވިގެން ހިންގުނު ޖިނާއީ ޢުދުވާން ތަކެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުތައް ދަންނަމީހަކު އޭރަކުނެތެވެ. ޤާނޫނުލް ޢުޤޫބާތަކަށް އޮތީ، ހުވަދުއަތޮޅު ބަޣާވާތުން މާލެގެންނަ މީހުންނަށް އަހުވާދެއްކުމަށް އޭރުގެ ރައީސް ނާޞިރުގެ އަމުރުފުޅަށް ލިޔެފާސް ކޮށްފައިއޮތް ޤާނޫނުލް ޢުޤޫބާތެކެވެ. މިކަންކޮށްދެއްވީ އޯކިޑްމާގޭ އަލްފާޟިލް އަޙްމަދު ޒަކީއެވެ.


ބޮޑުހުޅު-1990 ޙާދިޘާގެ މުޅި ފަސްމަންޒަރަށް ވިސްނާއިރު، ވަރަށްބޮޑު ސިޔާސީ ސިއްރެއް ފޮރުވިފައި އޮންނާނެއެވެ. ފަޅާއަރާނެ ދުވަހެއް އިރާދަކުރެއްވިއްޔާ، ﷲ ދައްކަވާ ނެއެވެ. ﷲ އީ، އެންމެ މޮޅުރޭވުން ތެރިޔާ ކަމުގައި ހިތުގެއަޑިން ޤަބޫލުކުރުމަކީ، އަޅުގަނޑުގެ ސާފު، ޠޯހިރުޢަޤީދާއެވެ. ފަހެ އެއީ ޚައިރުލް މާކިރީންއެވެ. ﷲ ގެ ބުއްދިވެރި ރޭވުންފުޅުތައް މާ މަތިވެރި ވެފައި މިޅުވާނެއެވެ. ގެންގޮސް ޖަލަށްލާއި ބަންދުކުރުމަށް ފަހު، މުޅިންވެސް އަޅުގަނޑު މައްޗަށް ހުރީދޮގު ބަޔާން ހަދައިގެން ޙައްޤުނޫން ޝަރީޢަތްތައް ކޮށްފައެވެ.


އެންމެ ފާހަގަ ކޮށްލެވެނީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މައްސަލައާ ގުޅިގެން، އިލްޔާސް/ސަޓޯ ގެމަޝްހޫރު ކެސެޓުރޯލުގެ ދަޢުވާއެވެ. މިކަމާ ގުޅިގެން ރައީސްއޮފީހުން ކޯޓަށް އެންގެވި އެންގެވުންތައް ކިޔައި، އަދި ދެކިފައިވާ ބޭފުޅުން، މިހާރު އެވާހަކަތައް ތަފްޞީލުކޮށް އެބަކިޔައި ދެއެވެ. 2004 އޯގަސްްޓް، 12،13 އިންފެށިގެން، އަޅުގަނޑުގެ ލޮޔަރަކަށް ހުންނެވި، އަލްއުސްތާޒު އަޙްމަދު މުޢިޒަށް މީގެ ބޮޑުމަންޒަރު އެނގިވަޑައި ގަންނަވާނެއެވެ. އަދި އެފެންވަރުގެ ދައުލަތުގެ އިދާރާތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި އިޚްލާސްތެރި ގައުމީބޭފުޅުން ދަނެތިއްބެވި ހަގީގަތްތައް ހާމަކޮށްދެއްވާނެ ދުވަހެއް، ﷲ ގެ އިރާދަފުޅުން އަތުވެއްޖެ ނަމަ އެކަންކަން ލޮބުވެތި ރައްޔިތުންނަށް ހާމަވެގެން ދާނެއެވެ.


ދެރައީ ދިވެހިރާއްޖޭގައި ފޮތްލިޔާބޭފުޅުން މަދުކަމެވެ. އެހެނަސް ގިނަ ތަޖްރިބާތައް ލިބިފައި ހުރި ބޭފުޅުންނަކީ އެކަން ކުރައްވަން ޖެހޭނެބައެކެވެ. އަންނާންތިބި ދިވެހިޖީލްތަކަށެވެ. އެފަދަ ބޭފުޅުންނަށް އޭރުގެ ރަސްމީ ވާހަކަފުޅުތަކާއި ސިޓީތަކާއި ފަހުގެ ތަހުޤީޤު ބަޔާންތައް ފެނިވަޑައި ގަންނަވާނެއެވެ.


އޯގަސްޓް 12،13 ގައި ކުރީގެވަޒީރެއްކަމުގައިވާ އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ތަޙުޤީޤަށް ދެއްވި ބަޔާނަކީ، ދިވެހި ތާރީޚަށް ޓަކައި ފޮރުވަންޖެހޭނެ، 11 ޞޮފްޙާގެ ވަރަށް މުހިންމު ބަޔާނެކެވެ. އަޅުގަނޑުގެ އޭރުގެ ލޯޔަރު އުސްތާޒު އަހްމަދު މުޢިޒްގެ އަތްޕުޅުގައި އެބަޔާން އޮންނާނެއެވެ. އަޅުގަނޑުއަތަށް ކުޑަވަގުތު ކޮޅަކަށް ލިބުނީ ހަމައެކަނި ކިޔާލާށެވެ. ކޮޕީއެއް ނުދެއްވިއެވެ.


ފަހެ، ވީގޮތް ބައްލަވާށެވެ! ގަސްގަނޑު ރީތިކޮށް ސަލާމަތުން ބަހައްޓާފައި ގޮފިކޮޅާއި ފަތްކޮޅު ތަޅާލައި ދުވަސް ދުއްވާލީއެވެ. އެންދެރިމާގޭ އިލްޔާސް ހުންނެވީ ސަލާމަތުންނެވެ. ޖަލުގެކުޑަގޮޅީގައި ދުވަސްދުއްވާލީ އަޅުގަނޑުމެން ކަހަލަ ނިކަމެތީންނެވެ. އެބަންދުގެ ބައެއްކުދިން މޮޔަވެ ބުއްދިގޯސްވިއެވެ. ކޯޓުގައި މިވާހަކަތައް ހަރުއަޑުން އަޅުގަނޑު ގޮވީމެވެ.


އާދެ! އެދުވަސްވަރުގެ ވާހަކަތައް ހާދަހާވާ ރީއްޗެވެ! އޭރު ގިނައީ، ބޮޑުން ފަހަތުގައި ފޮރުވިގެންތިބެ ރާވައިގެން ހިންގާބޮޑެތި ޖަރީމާތަކެވެ. ފުރަތަމަ ފަހަރަށް ޓެރަރިޒަމް ޤާނޫނު ތަޢާރުފް ކުރިގޮތަކީ، މީގެ ވަރަށްބޮޑު ހެއްކެކެވެ. ރީތިނަމޫނާއެކެވެ. މިކަން ރައީސް މައުމޫނު ކުރެއްވީ، ޤާނޫނުލްޢުޤޫބާތު، އޭރުގެ ރައީސް ނާޞިރު، ވަކިބަޔަކަށް އަމާޒުކުރައްވައިގެން އެކުލަވާލެއްވި ގޮތަށެވެ.


ފަހެ، ވަކިބަޔަކު ހިފާހައްޔަރުކޮށް އެމީހުންނަށް ހޭއަރުވާލެއްވުމަށް އަމާޒުކޮށެވެ. ރައީސް އޮފީހުން ބާރުއަޅުއް ވައިގެން ރޭގަނޑާއެކު މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން އެޤާނޫނު ފާސްކުރުވައި ގެންނެވެ. އެންމެ ހެއްވާކޮށް އޮތީ، އެޤާނޫނުގައި ލިޔެފައިއޮތް މިޤާނޫނުގެކުރިން ކޮށްފައި ހުރިކަންތަކަށް ވެސް މިޤާނޫނުގެ ދަށުން ފިޔަވަޅު އަޅާއި ޢަމަލު ކުރެވޭގޮތަށް އޮންނަ މާއްދާއެވެ.


ބޭނުންކަންތައްކޮށް ނިންމުމަށް ފަހު، އެމާއްދާވަނީ އެޤާނޫނުން މިހާރު އުވާލާފައެވެ. އެ ޤާނޫނުގައި އެ މާއްދާއޮތުމުން އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ވޯޓުނުދެއްވައި ހަމަހިމޭނުން އިންނެވި، ހަމައެކަނި މެންބަރަކީ، ރ.އަތޮޅު މެންބަރު އަލްފާޟިލް ޢަލީވަޙީދު އަބްދުއް ރައްޒާޤެވެ. އާދެ! އެމަނިކުފާނަކީ ހެޔޮނިޔަތުން އިސްލާހީ ހަރަކާތުގައި އުޅުއްވި މީހުންނަށް އެހީތެރިވެދެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރާނަމެވެ.


އަލްއަޚު އަލީވަހީދު ކަނދޮޅުދޫއަށް ސާބަސްދެމެވެ! ކުރިންކުރާ ކަމަކަށް ފަހުންއުފެދޭ ޤާނޫނަކުން ޙުކުމްކުރުމަކީ، އެއްވެސް އިލާހީ ޝަރީޢަތެއްގައި އޮންނަ ގޮތެއްނޫނެވެ. އަދި ޤާނޫނީ ޢިލްމުގައި މިއީ، މުޅިން ނަހަމަ އުޞޫލެކެވެ. މިވާހަކަ ވެސް އަޑުހަރުކޮށް ކޯޓުގެ ކޮށިގަނޑުގައި ހުރެގެން އަޅުގަނޑު ގޮވީމެވެ. ވީކަމެއް ނެތެވެ. ސުވާލެއްކޮށްލި މީހަކުނެތެވެ.


އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުއްލެވީ، ސިޔަރަތު ވިދާޅުވުމަށް ކުޅަދާނަ ހެންވޭރު ހާޖަރާގޭ އަލްއުސްތާޒު މުޙައްމަދު ތައުފީޤެވެ. އެންމެ ހެއްވާކަމަކަށް ވަނީ، އޭރު މިފަދަވާހަކަތައް އަޅުގަނޑު ޝަރުޢީކޯޓުގައި ދެއްކީމައި، އަޅާނުލެއްވި ބޮޑުން، ސަރުކާރުން ބޭރުކޮށްލީމައި އެފަދަ ކަންތަކުގެ ވާހަކަތައް މިދުވަސްވަރު އެކިމަހަލްތަކުގައި ހާމަ ކުރައްވާ މަންޒަރު ފެނުނީމާއެވެ.


މިދެންނެވީ ޑޮކްޓަރ މުނައްވަރު މިހާރު އެއުޅުއްވާގޮތުގެ ވާހަކައެވެ. އޭރު އޭނާއަކީ ސިޔާސީ ޕާޓި ނުހެދޭނެކަމަށް ރައީސް މައުމޫނަށް ލަފާއެރުވި ބަންޑާރަނައިބެވެ. އަދި ޓެރަރިޒަމް ގާނޫނަށް އޭގެކުރީކަންކަމަށް ހުކުންކުރެވޭނެ ލަފާ އޭރު ދެއްވާފައި ފަހުން އެކަމާ ދެކޮޅޫ ހެއްދެވި ބޭފުޅެކެވެ. އެންމެ ދެރަކަމަކަށްވަނީ، ޤާނޫނެއް ހެދިޔަސް އެކަމުގެ ނިޔަތާއި މަޤްޞަދަކީ، މުޅިންވެސް ސިޔާސީ ބޭނުންތައް ހާޞިލުކުރުމަށް ކުރާކަމަކަށް ވާތީއެވެ. ފަހެ، ހިތާމަހުއްޓެވެ!


އާދެ! 2003 ސެޕްޓެމްބަރު އޮނަވިހިވިހީގެ ތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ގާވެފައި ތިބޭބުދުން ތަކެއްގޮތުގައި މަޖިލީހުގެ މެމްބަރުން ތަކަކާއި އޭޖީއޮފީހުގެ ސްޓޭޓުއެޓާނީން ތަކެއް، ތަޙުޤީޤު ކުރިތަން ބަލަންށާއި އަޑުއަހަން ބައިތިއްބާފައި ތިބުމުން، ސިފައިންނަށް އަޅުގަނޑުގެ މައްޗަށް ދޮގުހެކި ދޭން ނުކެރުނީ މައެވެ. މާލެ ތެރޭގައި ޖާސޫސުކުރަން ގެންގުޅުނު ސިފައިން މިކަންތައް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. މިއަދު އެކުދިން ލޮބުވެތި ގައުމަށް ހެޔޮ އެދޭނަމަ އެވާހަކަތައް ލިޔެ ކަޔައި ދެއްވަންވީއެވެ.


އެހެނަސް އެކުދިން ތަހުގީގުމޭޒަށް އަރައި ތިބެ، އުޅެއުޅެވެސް އެކަން ނުވީއެވެ. އަޅުގަނޑު ބައްދައެއް ނުލެވުނެވެ. ފަހެ، ރައްޔިތުންގެ މަޖްލިސް މެމްބަރުން ތަހުގީގުގައި ބައިވެރި ކުރުވުން، މިއީ އޮޅިގެން ނަމަވެސް ރައީސް މައުމޫނަށް އެފަހަރު، އެޅުއްވުނު ރަނގަޅު ފިޔަވަޅެކެވެ. އަޅުގަނޑުމެން ސަލާމަތްވީ މިފިޔަވަޅާ ހެދިއެވެ. ޖެނީފާ ލަޠީފުގެ ފޮޓޯތަކެއް، އެހިސާބުގަނޑުގައި އުޅެނިކޮށް ނެގިފައި ހުރުމުން، އަޅުގަނޑައި ތަފާތުގޮތަކައް އޮޅުވާލައިގެން ދޮގުހެކި ދީގެން، ޖެނީ ތާށިކޮށްލީއެވެ.


އަޅުގަނޑާ ބެހޭގޮތުން އެތައްފަހަރަކު ހެކިންގެ ބަޔާން ލިޔެގެންވެސް ސޮއިކުރާނެ ސިފައިންގެ ކުއްޖަކު ނުވީކަން ފަހުން އެނގުނެވެ. އަޅުގަނޑުގެ ފޮޓޯތައް ހުރީ ފާޑަކަށް އޮޅުވާލައިގެން ހަދާފައެވެ. އެފޮޓޯތަކަށް ހެކިބަސް ނުހޯދުނީއެވެ. އެންމެފަހުން ގޮތް ހުސްވެގެން، ބައިންދަ ބައިންދާފައި ޖަލުން ދޫކޮށްލީ އެތަ އްދުވަހެއް ކޮށްފައެވެ. 45 ދުވަސް ހަމަކޮށްފައެވެ.


ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ހޯއްދެވި، މަޖިލީހުގެ ދެވަނަ އިއްތިފާޤު ވުން އޮތީ މިދެންނެވި، 2003 ސެޕްޓެމްބަރު، 19،20 ގެ ޙާދިޘާ ހިނގިތާ، ފަސްދުވަސް ވަރުފަހުން ނެވެ. ވޯޓުލުން އޮތް ދުވަހު ވަރަށް ހެދުނު ވަޤުތެއްގައި، މީހަކު، އަޅުގަނޑު ޖަލުގައި ހުރިގޮޅީގެ ދޮރުފަތުގެ ތަޅުގައި ހިފާއި އަނބުރާއި ތަޅުވާއި ދޮރުފަތުގައި ތަޅައިގަތުމުން ބަލައިލިއިރު، ހުންނެވީ ބައިވަރު ސިފައިންނާއެކު، މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލްފާޟިލް މުޙައްމަދު ނަޝީދު (އަންނި) އެވެ.


ކަނާއަތުން ތަމްބްސްއަޕްގެ އިޝާރާތް ދައްކާލައްވައި އަޅުގަނޑާ ދިމާއަށް ހިނިތުން ވުމަކާއެކު، ހަރުއަޑުން ވިދާޅުވީ، މިއަދު މިއީ މަޖިލީހުގެ ސިއްރުވޯޓު އޮންނަދުވަހެވެ. އޭރު އަންނި ވަށާލައިގެން ތިބި ސިފައިން އަންނި އަތުގައި ހިފައިގެން ދަމަނީއެވެ. އަންނި ގަދަހަދަނީ ނުދާށެވެ.


އިބޫސާލިހު އަތުން މަޖިލިސް އިއްތިފާގު ވުމަށް ރިޔާސީވޯޓު ހޯދިގޮތް:


ކުރިމަތީގައި ހުރިގޮޅިއަށް ވައްދަންވެގެން އެމީހުން ދަމާއިރު، އަންނި ނުވަނުމަށް ގަދަހަދަނީއެވެ. އަދި މިމަންޒަރު ސިފައިންގެ ދެކުއްޖަކު ދެކެމެރާއަކުން މޫވީކޮށް، ސްޓިލްފޮޓޯވެސް ނަގަމުން ދިޔަތަން ފެނެއެވެ. އާދެ! ކަންވީގޮތް ސާފުވެ އެނގުނީ މާ ފަހުންނެވެ. އެދުވަހު އަންނި ހައްޔަރުކުރުމަށް ފަހު، ވަރަށް ހެދުނާ، ރައީސްމައުމޫނުގެ ކޮއްކޯފުޅު، މިނިސްޓަރު ޔާމީނު، ޅ.އަތޮޅު މެމްބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އަށް، ފޯނުން ގުޅުއްވާފައި ވިދާޅުވަނީ، އަންނިހުރީ ޖަލުގައި ބަންދު ކުރެވިފައެވެ.


މިއަދު މަޖިލީހުގައި އޮންނަ ސިއްރުވޯޓުގައި އިބޫގެ ވޯޓުލިބިއްޖެނަމަ، އަންނި ވަޤުތުން މިނިވަން ކުރެވޭނެއެވެ. އިބޫ ވޯޓުދެއްވުމުން މަޖިލީހުގެ އިއްތިފާޤު ރައީސް މައުމޫނަށް އެއްކޮށް ލިބުނީއެވެ. ސިޔާސީމުޑުދާރު ޑީލެއް ހަދާލެވުނީއެވެ! މިއީ ރައީސް މައުމޫނަށް މައުމޫނު ދެކެލޯބިވާ ކޮއްކޯފުޅު ޔާމީނު ކޮށްދެއްވި ކަމެކެވެ. އާދެ، އެދުވަހު މެންދުރު ކާގަޑި ޖެހެން ވަރަށް ކާރިވެފައި ވަނިކޮށް، އަންނި ނެރެގެން ގެންދިޔަތަން އަޅުގަނޑު ދުށީމެވެ.


ސިޔާސީޑީލެއް ބަނދެލެއްވި
ސިޔާސީޑީލެއް ބަނދެލެއްވި

މިވީގޮތަކީ، ރައްޔިތުންގެ މަޖިލީހުން ހަމައިއްތިފާޤު ވުމާއެކު، އަންނި ދޫކޮށްލީއެވެ. މިނިވަން ކުރީއެވެ. މުޑުދާރު ޑީލް ތަންފީޒުވެ ނިމުނީއެވެ. ސިފައިން، އަޅުގަނޑު ގާތުގައި ބުނީ، އިލްޔާސަށް ނުފެންނަ ގޮތަށް އަންނި، އެހެންދިމާ އަކަށް ބަދަލުކުރީ ކަމަށެވެ. އެހެނަސް ހަވީރު ވެފައި ވަނިކޮށް ހެޔޮއެދޭ ސިފައިންގެ ކުއްޖެއްގެ ފަރާތުން، އަންނި ގެންދިޔައީ ދޫކޮއްލަން ކަމާއި، ނެގުނުވޯޓުން ރައީސް މައުމޫނަށް އިއްތިފާޤު ލިބުނުކަން ފަހުން އަޅުގަނޑަށް ސާފުވެ އެނގުނެވެ.


އިޞްލާޙޭ ކިޔައިގެން މިހާރު މޮޅުވާހަކަތައް ދައްކަވާ އިއްޒަތްތެރި މެމްބަރުންތަކުގެ ވޯޓު، މިގޮތައް އިއްތިފާޤުކޮށް ދެއްވުމުން، ޖަލުގައި އިނދެ އަޅުގަނޑު ވަރަށް ހިތާމަކުރީމެވެ. އަދި ޖެނީ، ނިއްޓި މެން ކުދިން ވެސް ހިތާމަކޮށް ހަގީގަތުގައި ރޮވުނެވެ. އަޅުގަނޑާ އެކު، ބަންދުގައި ހުރި އިރު އެ ކުދިންނާ އެކު އަޅުގަނޑު އެކުގައި ސިފައިންގެ ޖީޕެއްގައި ތަޙުޤީޤު އޮންނަތަން ކަމުގައިވާ ވެލާނާގެއަށް ގެނެވުނު، ދުވަސްތަކުގައި މިކަމާމެދު ހިތާމަފާޅުކޮށް މިވާހަކަތައް ތަކުރާރުކޮށް ދެކެވުނެވެ.


އަޅުގަނޑުމެން، އެދުވަހެއްގެ ތަޙުޤީޤު ނިމެންދެން ތިބެނީ، ވެލާނާގޭތެރޭގައި ޓިނުންހަދާފައި ހުންނަ ބޮޑުގުދަނެއްގެ ތެރޭގައި ދެދިމާއަކަށް އަތްގަނޑު ނުލާވައްތަރުގެ ޕްލާސްޓިކު ގޮނޑި ބަހައްޓާފައި އެގޮނޑިގައި އަޅުގަނޑުމެން އިށީދެ ތިބުމަށް އަންގާފައެވެ.


ފެންނަ ހިސާބުގައި ސިފައިން އަބަދުވެސް ތިބެއެވެ. ޖުމްހޫރީ ވެރިކަމެއްގައި ކަންތައް ހިންގާގޮތާއި ހިނގާގޮތް މިހުރީ ސާފުކޮށް ފެންނާށެވެ. އިބޫވެސް ރައީސް މައުމޫނަށް އެދުވަހު މަޖްލިސްގައި ސިޔާސީޑީލެއްގެ ދަށުން ވޯޓުދެއްވީއެވެ. ސިޔާސީބަދަލަކަށް ރައްޔިތުންގެ ވޯޓު ވިއްކާލެއްވީއެވެ. އަލްފާޟިލް މުޙައްމަދު ޝިހާބާއި އަލްފާޟިލް ޙަސަން ޢަފީފާއި މިފަދަ ބޭފުޅުންވެސް ރައީސް މައުމޫނަށް ހެޔޮހިތުން ވޯޓުދެއްވައި މުޅިރައްޔިތުންގެ މަޖިލިސް އިއްތިފާޤުވީއެވެ! ހާދަހާ ވާޗާލެވެ! ވަރަށް ރީއްޗެވެ!


މިއީ ގައުމަށާއި އިސްލާހީހަރަކާތަށް އިޚުލާސްތެރިންނެއް ނޫނެވެ. ހަގީގަތަކީ އެއީއެވެ. ފައިސާއަށް ގެއްލިދާ، ހެއްލިދާ މީހުންނެވެ. އެނބުރޭ ވަހުތާނުންނެވެ. މީގެ މީހުން ފުށުން ހަގީގީ އިސްލާހެއް ނުފެންނާނެއެވެ. މިގައުމުގެ ކުރިމަގާ މެދު ހިތާމަހުއްޓެވެ! އެންމެން ލޮބުވެތި ގައުމުގެ ހެވާއިލާބައަށް އެދި ދުޢާކުރާށެވެ. ލޮބުވެތި ގައުމު ދެމިއޮންނާނެޖެހެއެވެ! އިންޝާﷲ! އާމީން! ~ނިމުނީ~

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page