top of page

ސިޔާސީ ޕާޓީތައް ވަނީ ރަތް ބައްތީގެ ކުރިމަތީގައި ހުއްޓުވާލާފައެވެ.

  • Writer: ilyashusein
    ilyashusein
  • Oct 22, 2009
  • 5 min read

=އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ، 2006 ގައި=

ދިވެހި ރައްޔިތުންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖިހާދުގެ ސަބަބުން ދިވެހި ރާއްޖޭގައި ދިވެހިންނަށް، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނެރުމަށް ވެރިކަން ކުރާ ފަރާތަށް މަޖުބޫރު ވެއްޖެއެވެ. މިއީ އިސްލާހީ ހަރަކާތުގެ މުގައްދަސް ޖިހާދެކެވެ. ފަހެ މިކަމަކީ، ރައީސް މައުމޫނު، ކޮށްދޭ ހިތުން ކޮށްދެއްވި ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް އުފައްދައި ހަރަކަތްތެރިވާން ފެށި ފެށުމަށް މިހާރު، އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާތަނަށް ދިވެހި އުދަރެހުން ދިރިގެން ނިކުތް ޕާޓީތައް ހުރީ، ދިގު ރާސްތާއެއްގެ ރަތް ބައްތިއެއްގެ ކުރިމަތީގައި ބުރެކި ޖެހި ހުއްޓިފައެވެ. ސީދާ ތެދުމަގުން ކުރިއަށް ދިއުމަށް ރަތް ކުލައިގެ އިންޒާރަކުން ހުރަސް އަޅާ ހުއްޓުވާލާފައެވެ. ދިގު ކިއޫއެއްގައި ދުއްވައިގަތުމަށް ތައްޔާރުވެގެން ތިބި ޕާޓީތައް ބައިވަރެވެ. މަގުފަހި ނުވެގެން އަވަސް ކުރުމުގެ ގޮތުން ބަރުގޮނު އެޅުމާއި އެބައަކަށް ކުރެވުނުހާ ކަމެއް ދަނީ ކުރަމުންނެވެ. އެހެނަސް ރަތްއަލީގެ އިންޒާރާއެކު މަގު ބަންދުކޮށްފައި ވަނީ، ރައީސް މައުމޫނުގެ އަމިއްލަ އެދުންތަކެއްގެ ބޭނުމުގައެވެ. ގަސްދުގައި މިހަރަކާތަށް ހުރަސް އެޅުއްވުމުގެ ބޭނުމުގައެވެ. ސިޔާސީ ޕާޓީތަކަށް ބާރު ލިބިދޭ މައިގަނޑު އެއްޗަކީ އަސާސީން ބާރު ލިބިގެން ހަދާ، ގާނޫނެވެ. އަދި އެގާނޫނުގެ ދަށުން ސީދާ ގާނޫނީ ބާރު ޕާޓީތަކަށް ލިބުމެވެ. ސިޔާސީ ޕާޓީއާބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އެހެނަސް މިހާރު އެބިލް ވީތަނެއް ނޭގެއެވެ. ހަމަގައިމުވެސް ފާހެއް ނުވެއެވެ. މަޖިލީހުން ބޭރުކޮށް ލެވުނީއެވެ. ފާސްނުވާ ބިލެއް ތަސްދީގެއް ނުކުރެއްވޭނެ ކަން ކަށަވަރެވެ. މިހާރަކަށް އައިސް މެމްބަރުން އަމިއްލައަށް ހުށަހަޅުއްވާ ގިނަ ބިލްތަކާއި ސަރުކާރުން ހުށަހަޅާ ބައެއްބިލް ތަކަކީ ވެސް މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލާ ބިލްތަކެވެ. ވާގޮތަކީ، ބައިބައިވުން ބޮޑުކަމުން، ވިސްނުން، ހަގީގަތާ ދިމާއަށް އަމާޒު ވުމަށް ހުރަސް އެޅެނީއެވެ. ބިލްގައި ހިމެނޭ މާއްދާތަކަށް ދިގު ބަހުސް ކުރުމުގެ ތެރޭގައި އެކި ފަރާތްތަކަށް އަމާޒު ކުރެވިގެން ބިލްގެ އަސްލު ރޫހު ގެއްލެނީއެވެ. ބިލްގެ އަމާޒުގެއްލެނީއެވެ. ބިލް މަޖިލީހަށް ބަލައިގަތުމުގެ ކުރިން ބާއްވަމުންދާ ބަހުސް ވެގެންދަނީ، ބިލް މަރާލާ އެއްޗަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދިގު އާގަވާޢިދަކީ، އަޖައިބެއް ފަދަ އެއްޗެއްގެ ގޮތުގައި ފެނިގެން ދާދުވަސް ތައް އެބަ ތަކުރާރު ވެއެވެ. ގަވާޢިދު ތަރުޖަމާ ކުރެވޭގޮތް ތަޢާރަޒުވާލެއް ބޮޑީކަމުގައި ވެދެއެވެ. ރިޔާސަތުގެ ވިސްނުން، ތަޅުމުގައި ތިއްބަވާ ޢިއްޒަތްތެރި މެމްބަރުންނަށް ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ.

ފަހެ، މިކަމަށް އޮތް ހަމައެކަނި ހައްލެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ، މީގެ ފަހުން މަޖިލީހަށް ފޮނުވާ ބިލްތަކުގައި ގިނަވާހަކަތައް ގިނަ މާއްދާތަކަށް ބަހާލައިގެން ނުލިޔެ، މައިގަނޑު ސުރުޚީ ލިޔެލާފައި، ބިލް ފުރިހަމަކޮށް ނިންމައި ދެއްވުމަށް މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް ދެއްވުމަކީ، ބިލް ހުށަހަޅުއްވާ މައިގަނޑު ސަބަބު ކަމުގައި ހެއްދެވުމެވެ. އޭރުން ބިލްތައް ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލެވޭނެ ޖާގައެއް، މަންޠިގީ ގޮތުން ނޯންނާނެއެވެ. ބަލައި ނުގަތުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ. ބިލް ކޮމެޓީއަށް ގެންގޮސް، އޭރުން ބަހުސް ކުރަން މަޖްބޫރުވާނެއެވެ. ސިޔާސީ ޕާޓީ ތަކާބެހޭ ބިލެއް، މިގޮތުގެ މަތިން ގިނަ މާއްދާ ތަކަކާނުލާ، މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސްގެން ނަމަވެސް ފުރިހަމަ ކޮށް، ފާސްކޮށް ދިނުމަށް އެދި ރިފޯމަށް ތާޢީދު ކުރައްވާ ޢިއްޒަތްތެރި މެންބަރަކު ހުށަހަޅުއްވަނިކޮށް، މަޖިލީހުން ބަލައިގަނެ ކުރިއަށް ގެންދެވިދާނެ ކަމުގައި ދެކެމެވެ. މިކަހަލަ ފަންޑިތައަކުން ނަމަވެސް މިބިލަކީ ވީހާ އަވަހަށް މަޖިލީހަށް ގެނެސް ނިންމަން ވެއްޖެ ބިލެކެވެ. އަދި ވީހާ އަވަހަކަށް ޕާޓީތަކަށް އަސާސީގެ ދަށުން ސީދާ ގާނޫނީ ބާރު ލިބެން ވެއްޖެއެވެ. ގާނޫނެއްނެތި ސިޔާސީޕާޓީތައް ހިންގުމަކީ، ވައިބާރު ދުވަހެއްގައި އެންމެން ގަހަށްއަރާ ތިބުންކަހަލަ ނުރައްކާތެރި ކަމެކެވެ. ވީހާއަވަހަށް ސިޔާސީޕާޓީއާ ބެހޭ ގާނޫނެއް ލިބެން ވެއްޖެއެވެ. ހުޅުވިފައި އޮތް ސީދާ މަގުގައި ގާނޫނީ ބާރާއެކު، ހުރި ބާރުމިނެއްގައި ދުއްވައި ގަތުމަށް ފެހި ސިގްނަލް ލިބެން ވެއްޖެއެވެ. ރަތްބައްތި ނިވާލަން ވެއްޖެއެވެ. އޭރުން ޙައްޤު ނޫން ގޮތްތައް ފުނޑިގެން ދާލެއް ލަހެއް ނުވާނެއެވެ. އަވަސް ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތުން ނަމަވެސް ފުރިހަމައަށް އަދާ ކުރެވޭތޯ ބަލަން ވެއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ޤަރާރުގެ ދަށުން އޭޖީ އޮފީހުން ހައްދަވާފައިވާ “ސިޔާސީ ޕާޓީގެ ގަވާޢިދު 2005″ އަށް ވަރަށް އަވަހަށް ބަދަލެއް ގެނެސް، ސިޔާސީ ޕާޓީތަކަށް ވަގުތީ ހައްލެއް ނަމަވެސް ގެނެސްދެއްވައި ރަތްއަލި ހުރަސް ކޮށްލެވޭނެ ގޮތެއް ހައްދަވައި ދެއްވަން ވެއްޖެއެވެ. މިކަމާ އުޅެދެއްވުން، އެންމެ އަޢުލާކަން ބޮޑީ ޑރ.ހަސަން ސަޢީދެވެ. މިއީ ޤާނޫނެއް ފާސްވަންދެން ނުކޮށް ދޫކޮށްލައިގެން ތިބެން ވާވަރުގެ ކަމެއްނޫނެވެ. ޑރ.ހަސަން ގެ ބަސް ނުވިކެންޏާ މަނިކުފާނުގެ އިޞްލާހީ ހުށަހެޅުން ތަކާއެކު، ރައްޔިތުންކޮޅަށް ޖެހިވަޑައިގަންނަވަން ފަސްޖެހި ނުލައްވާށެވެ. ދެއެކުވެރިން ނާއެކު، ކޮޅުބަދަލު ކޮށްލައްވާށެވެ. މަނިކުފާނުގެ ތޫނު ވިސްނުންފުޅަށް އައްޑުއަތޮޅުން ވެސް ފުދޭ ވަރެއްގެ ތަރުހީބެއް ލިބޭނެ ކަން ޔަޤީނެވެ. އަދި ދިވެހި ރައްޔިތުންގެ ގިނަބަޔަކު މަރުޙަބާ ކިޔާނެ ކަން ކަށަވަރެވެ. ކެރިވަޑައި ގަންނަވާށެވެ. އަވަސް ކުރައްވަން ވެއްޖެއެވެ. ލަސްކުރެއްވި ވަރަކަށް ގެއްލުން ދައްކާނެކަން ކަށަވަރެވެ.

ފަހެ، ދަންނާށެވެ! މިހާރުން މިހާރަށް ވެސް ގެންނަން ވެއްޖެ ބަދަލެއް ގިބަޔަކަށް ފާހަނގަ ވެފައި އެބައޮތެވެ. ސިޔާސީ ޕާޓީ އުފެއްދުމަށް މަޖުބޫރު ކޮށްފައި އޮންނަ 3000 މީހުންގެ ޝަރުޠު ސަތޭކައަށް ނަމަވެސް ތިރި ކޮށްލަން ވެއްޖެއެވެ. ނުވަތަ އެ ޝަރުޠު މުޅިން އުވާލަން ވެއްޖެއެވެ. މިހާރު ކަންތައް ގޮސްފައިވާ ހިސާބުން މިއިޞްލާހަކީ، މިއަދުން މިއަދަށް ވެސް ގެންނަން ވެއްޖެ ބަދަލެކެވެ. ޕާޓީތަކަށް ސަރުކާރުން ބޮޑު ޢަދަދެއް، ނަގުދު ފައިސާއިން ހަވާލުކުރާކަށް ކޮންމެހެން ނުޖެހެއެވެ. ގަވާޢިދުގެ އެބައަށްވެސް އެކަށީގެންވާ އިޞްލާހެއް ގެނެވިދާނެއެވެ. ފަހެ، ކަމާގުޅޭ ޤާނޫނެއް ފާސްވަންދެނެވެ.

ދިވެހި ސަރުކާރު ހިންގަވާން ހުންނެވި، ރައީސް މައުމޫނާއި ޑީއާރުޕީ ޒަޢީމުގެ ޕާޓީއަށް ބަލާ ދިރާސާކޮށްލާއިރު ފެންނަނީ ހަރުދަނާ ވުމަށް ވުރެ ބޮޑަށް ހީނަރު ވަމުންދާތަނެވެ. އެއް އަހަރު ފުރިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދެއްކެވީ ޕާޓީގެ ހައިބަތަށް ބަލާއިރު އެންމެ މަތީ ދަރަޖައަށް ވުރެ ދަށުފަންތި އަކުންނެވެ. އެކިއެކި ހައިސިއްޔަތުތަކުން ނުފޫޒާއި ބާރުވެރި ޒަޢީމުގެ ދަރުބާރުގައި މައިކު ހިފާލާނެ ހަރުކުލައިގެ މީހަކު ނުވުމަކީ، ދެރަކަމެކެވެ. ހިތާމަހުރި ކަމެކެވެ. ވިސްނާލަން ޖެހޭ މުހިއްމު މައްސަލައެކެވެ. ޖާހާއި ހައިބަތު ހުރި ބޮޑެތި ބޮޑެތި ފަރާތްތައް ކޮބާތޯއެވެ؟ އަލް އުސްތާޒުންތައް ކޮބާތޯއެވެ؟ ޕީއެޗްޑީންތައް ކޮބައިތޯއެވެ؟ ނިއުމޯލްޑިވްސްގެ ޒުވާން ބޭފުޅުންނާއި އޯލްޑް މޯލްޑިވްސްގެ ހަރުބޭފުޅުންތައް ކޮބައިތޯއެވެ؟ ޕާޓީގެ ކުރިމަގާއި ދައުލަތް ހިންގުމުގައި ގައުމު ބިނާވެގެން ދާނެގޮތްތައް ބުނެދީ، ކިޔާލަދޭން ކެރޭވަރުގެ ހިތްވަރު ހުރިބޭފުޅަކު ހަމަ ނެތީތޯއެވެ؟ ހަމަގައިމު ވެސް އަހަރީ ހަފްލާއަކުން ނުފެނުނެވެ.  ފުރަތަމަ ބަރިން އަތްތިލަބަޑި ޖަހާލަން ޖެހިލުންވާ ބޮޑުންވެސް ފާހަނގަ ކޮށްލެވުނެވެ. ވާނުވާއެއް ނޭގި އަވާމެންދުރެއްގެ ތެރެއަށް ގެއްލިފައި ތިއްބެވީތޯ، ސުވާލު އުފެދެއެވެ؟ ދިވެހިންގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ވާހަކަތައް ބުނެދޭން ތިއްބެވި ފަލްސަފާވެރިން ކޮބައިތޯއެވެ؟ ބޮޑު ދެޕާޓީން ވެސް މިފެންނަނީ އެއްކިއްސަރަށް ބައްޓަން ވެގެންދާ ވަގުތީ ޖަޒުބާތެއްގެ ގޮތުގައި ސިފަ ކުރެވިގެންދާ ހަޅޭއް ފަޅޭއް ލެވުންތަކެވެ. އަރާރުން ގަނޑެކެވެ. މިކަމުން، ދައުލަތާއި މުޖުތަމާޢުގެ ކުރިމަގަށް ކުރާނެ މާބޮޑު ފައިދާތަކެއް އަދި ނުފެނެއެވެ.  ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށެވެ. ދެޕާޓީން ވެސް މިކުރާ ކަމަކީ، ބައިނަލް އަގުވާމީ މުޖުތަމަޢަށް ދެއްކުމަށް ކުރަމުން ގެންދާ، އަމިއްލަ ތާރީޚީ ޞަފްޙާތަކެއް ލިއެ އުފެއްދުމަށް ކުރާ މަސައްކަތެވެ. އެއްޕާޓީގައި ދުނިޔެ ދެކެފައި ނުވާވަރުގެ ދުވަސްވީ ޒަޢީމެއް ނެރެ، ދައްކާލުމުގެ މަސައްކަތެވެ. އަނެއް ޕާޓީގައި މަންޑޭލާއަށް ގޮން ޖަހާލެވޭ ވަރުގެ މޮޅު ހީރޯއެއް ނެރެ ދައްކާލުމުގެ ކަންތައް ގަނޑެކެވެ. މާބޮޑު ތަފާތެއް މިހާރަކު ނުފެނެއެވެ. ދެޕާޓީން ވެސް މިހާރަކަށް އައިސް މިކުޅެނީ އެއްރޯލެކެވެ. މިއިވެނީ އެއް އަޑެކެވެ. ހިންގަނީ އެއްމަސައްކަތެކެވެ. ހަގީގީ މަސައްކަތް ވަޅުޖެހިފައި އޮތް ތާކު އޮތީއެވެ. ޕާޓީއެއް ނެތި، އިސްލާޙީ ޙަރަކާތެއްގެ ގޮތުގައި އޮތް އިރު އަޑު އުފުލުނު، ފުރަތަމަ ބަދަލު ކަމުގައިވާ 29 ބޭކަލުން ބޮޑުމަޖިލީހުން ބޭރުކުރުމުގެ މަސައްކަތް، އެޖެންޑާ ތަކުން މުޅިން ފޮހެލެވިއްޖެއެވެ. އެއަޑުތައް އުފުލާނެ ބަޔަކު ނެތިއްޖެއެވެ. ދެޕާޓީން ވެސް މިހާރަކަށް އައިސް ގޮވާލާ އަޑު އިވެނީ، ކަންތައް ތަކެއް މަޖިލީހަށް ގެންގޮސް އިސްލާހު ކުރުމަށެވެ. އެހެނަސް ދެމަޖިލިސް ވެސް އޮތީ ބާރު ކެނޑިފައެވެ. ޢަމަލީ ދައުރެއް ފެނިގެނެއް ނުދެއެވެ. ބިންގާ ރަނގަޅުނުކޮށް މުޅި ޢިމާރާތް ރަނގަޅު ކުރެވޭނެތޯއެވެ؟ ފަހެ، ނުކުރެވޭނެއެވެ.

ޑީއާރުޕީގެ ޒަޢީމު ކުރައްވާ ކަމަކީ އޭނާއަށް ތާޢީދު އޮތްވަރު ބައިނަލް އަގުވާމީ މުޖުތަމަޢަށް ދެއްކުމެވެ. ދަށުފަންތީގެ ދެތިން މުގައްރިރަކު ލައްވާ ޖަޒްބާތީ ވާހަކަތަކެއް ގޮވާލާ އަތްތިލަބަޑި ޖަހާލާއި މަޖާކޮށްލާއި ދިދަތައް ހޫރާތަން ދައްކާލުމަށް ފުރުޞަތު ހުޅުވާލަނީއެވެ. މަންޒަރު ވަރަށް ރީއްޗެވެ. ކައިރި ރަށް ތަކުން ކަތީބުން ލައްވާ، އަތޮޅުލޯންޗް ތަކުގައި މާލެ އަރާލުމަށް މަޖުބޫރު ވެފައި ތިބޭ މީހުންކޮޅެއް މާލެ ގެނެސް ވިޔަފާރިކޮށްލުމާއި ރޭގަނޑުގެ ކެއުން ހިލޭކޮށް ހުޅުވާލަނީއެވެ. އެވެރިންގެ ގާތުގައި ރޭގަނޑުގެ ކެއުމަކީ، ރަސްމިއްޔާތަށް ހާޒިރުވުމެވެ. ކޮންމެވެސް ވައިއަޅުވާ ބޮޑުކައްކާއަކު ލައްވާއޮންނަނީ، ޖާފަތް ތައްޔާރުކޮށް ހުޅުވާލާފައެވެ. ޖުމްލަ ގޮތެއްގައި ޑީއާރުޕީގެ މިޖަލްސާތަކަށް މީހުން ގިނަ ކުރަނީ މިގޮތަށެވެ. ޕާޓީގެ ކުރިމަގު ކަމުގައިވާ، އެއްވެސްކަހަލަ “ފިކުރާއެއް” އަމާޒެއް ނެތެވެ. މީހުން ޖަމާކޮށް ހިފަހައްޓާލެވޭ ވަރުގެ “ވިސްނުމަކާއި ފިކުރެއް” އަދިއެއް ޕާޓީތެރޭގައި އުފެއްދިފައެއް ނެތެވެ. ބިނާކުރެވިފައެއް ނެތެވެ. ހަރުދަނާ ޒަޢާމަތެއްވެސް ނުދެއްކެއެވެ. ޢާއްމު ރައްޔިތުންނަށް ދައްކަމުން މިދާ ޑްރާމާތަކަކީ، ޒަމާނީ ޑިމޮކްރަސީ ދިވެހިންނަށް ގެނެސްދިނުމުގެ ނަމުގައި ޒަޢީމު ކުޅުއްވާ މޮޅު ކުޅިގަނޑެކެވެ. އިޞްލާހުގެ ނަމުގައި ޒަޢީމު ހެޔޮއެދި ވަޑައިގެން އިޚްލާޞްތެރި ކަމާއެކު  ރައްޔިތުންނަށް ޓަކައި ކޮށްދެއްވި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެކި ދުވަސްވަރު ދައްކަމުން ގެންދަނީ އެދުވަސްވަރަކާއި އެވަގުތަކާގުޅޭ ގޮތުން ދައްކާލާ ޖާދޫތަކެއްގެ ޗަރުކޭހެކެވެ. ތަފާތު އެކި ނަންނަމުގަ އެވެ. އިޞްލާޙީ އެޖެންޑާގެ ނަމުގައެވެ. މަގުޗާޓުގެ ނަމުގައެވެ. ޒަމާނީ ޑިމޮކްރަސީގެ ނަމުގައެވެ. އިންސާނީ ހައްގުތަކުގެ ނަމުގައެވެ. ޕާޓީ ސިސްޓަމް ސިޔާސަތުގެ ނަމުގައެވެ. ގައުމީ އެއްބައިވަންތަ ސަރުކާރެއްގެ ނަމުގައެވެ. ސުލްޙަވެރި ވުމުގެ ސަރުކާރެއް ވަގުތީ ގޮތުން އުފެއްދުމުގެ ނަމުގައެވެ. އިނގިރޭސިންގެ ބެލުމުގެ ދަށުން ވާހަކަ ދެއްކުމުގެ ނަމުގައެވެ. ވެރިމީހާއަށް އިޚްލާޞްތެރިވާން ހުވާކޮށްގެން، ދެތިން މިނިސްޓްރީއަކާއި ހަވާލުވާ ވާހަކަތަކެވެ. އާދެ! އަދި ފެންނަމުން މިދަނީ އެމަނިކުފާނު ޒަޢީމަކަށް ހުންނަވައިގެން ކުޅުއްވަމުން ގެންދަވާ ނިމުމެއް ނެތް ކުޅިގަނޑެކެވެ. އެންމެ ވައްތަރީ ޒިންބާބުވޭގައި ރޮބަޓް މުގާބޭ އެކުޅުއްވާ މުޑުދާރު، ސިޔާސީ ކުޅިގަނޑާއެވެ. މުގާބޭގެ ކުޅިގަނޑަށް އިނގިރޭސިންނަށް ވެސް ކުރެވުނު ކަމެއް ނެތެވެ. ހަމަ ބަލަންތިބީއެވެ.

ދޮގުމައްޗަށް ދޮގުތައް ގިނަވެ ފައިސާގެ ތާށިކަން ބޮޑުވެ އެކަހެރިވީ ވަރަކުން ރައްޔިތުން އުތުރި އަރާނެއެވެ. މަގުމައްޗަށް ތެލިތަކާއި އުނދުޅިތައް ހިފައިގެން ނުކުންނާނެއެވެ. ނަށާއިބެރު ޖަހާނެއެވެ. މިއީ ދުނިޔެ ދެކިފައިވާ ތަޖުރިބާއެވެ. މިއީ ހަމަ ގައިމުވެސް، ރައްޔިތުން މަތަކޮށް، ހިފެހެއްޓޭނެ ހިސާބަކަށް ނުވާނެއެވެ. މިފަދަ އިހުސާސްތަކެއް ރައްޔިތުންނަށް އިހުސާސް ކުރެވިގެން އުތުރި އަރަން ފެށީމާ ދެން މައިތިރި ކުރެވޭނެ ސަރުކާރެއް ނޯންނާނެއެވެ. ސިފައިނަށް ވެސް ކުރެވޭނެކަމެއް ނޯންނާނެއެވެ. ހިތާމަ ހުރި ކަމަކީ މިފަދަ އުތުރި އެރުންތައް އުފެއްދުމާއި އެކިއެކި ވައްތަރުގެ ރަނގަޅު ރޯލާއި ނުބައި ރޯލުތައް އުފައްދައި ކުޅެމުން ގެންދަނީ ދައުލަތުގެ ފައިސާއިން ފައިސާ ލިބިގެން ތިބޭ، ޒައީމަށް ސިޔާސީ ކުޅިވަރު ކުޅެދޭން ނުކުމެ އުޅޭ ބައަކު އަޑީގައި ތިބެގެން ކަމަށްވާތީ އެވެ. ހުރިހާ ޕާޓީއެއް ތެރޭގައި ވެސް މިމީސްމީހުން ހަރަކާތްތެރި ވެއެވެ. އެމްޑީޕީ ތެރޭގައިވެސް އެބައުޅެއެވެ. ބޮނޑިބަތް ކައްކަން ފައިސާ ދީހަދައެވެ. އަދި ބޮޑިބަތްތެލި ވަގަށް ނަގަން އެހީތެރިވެދީ ހަދާނެއެވެ. ރަށްރަށުގެ އުތުރި އެރުމުގައި ވެސް މިބައި މީހުންގެ ރޯލެއް ހިމެނެއެވެ. މިއީ ޒަޢީމު ކުޅުއްވާ ކުޅިގަނޑުގެ މޮޅުކަމެވެ. އިޚްލާޞްތެރިން ފުރޭނި ހޮވިގެން ދާނީ ބޮޑެތި ކަންތައްތަކެއް ތަޖުރިބާ ކުރެވި ހާމަވެގެން ދިއުމުންނެވެ.

އޭ! އިއްޒަތްތެރި ޑީއާރުޕީގެ ޒަޢީމެވެ. ރައީސް މައުމޫނެވެ! މުޑުދާރު ރޯލުތައް ހުއްޓާލައްވާށެވެ. ނުބައިބައި ނުކުޅުއްވާށެވެ. ގިނަ ރައްޔިތުންގެ ގޮވާލުމަށް މަގުފަހި ކޮށްދެއްވާށެވެ. އިޖާބަ ދެއްވާށެވެ. ރައްޔިތުންގެ އަމިއްލަ އަތުން ދައުލަތް ވީރާނާ ކޮށްލުމަށް މަގުފަހިކޮށް ނުދެއްވާށެވެ. ބައިތުލްމާލު ބަނގުރޫޓް ވިޔަ ނުދެއްވާށެވެ. ރައްޔިތުންގެ އެސެޓް ކަމުގައިވާ ފަޅުރަށްތައް އެގޮތް މިގޮތަށް، ހަލާކު ކޮށް ނުލައްވާށެވެ. ބަހާނުލައްވާށެވެ. ރައްޔިތުންގެ ބަހެއް ޞައްޙަ ގޮތުގައި ހޯއްދަވާށެވެ. އަވަހަށް ވޯޓަކަށް ވަޑައިގަންނަވާށެވެ. އިންސާފުވެރި އިންތިޚާބެއް ބާއްވައި ދެއްވާށެވެ. އަވަސް ކުރައްވާށެވެ. ރައްޔިތުންގެ ގޮވާލުންތަކާ އެއްގޮތަށް ދައުލަތުގެ ސިޔާދަތާއި މަޖުދު، އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ރުޖޫޢަކޮށް ދެއްވާށެވެ. އެޝަރަފު ބޭނުންފުޅިއްޔާ ވިސްނުންފުޅު ބަދަލު ކުރައްވަންވީ އެންމެ ފަހު ވަގުތަކީ، މިދުވަސްކޮޅެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންގެ ތާޢީދާ އެކު ހެދޭ، ގާނޫނެއްގެ އަލީގައި ސިޔާސީ ޕާޓީތަކަށް އަމިއްލަ މިނިވަން ކަމާއެކު ހަރަކާތް ވެގަނެވޭނެ ދޮރު ހުޅުވާލަ ދެއްވާށެވެ. ލަސްނުކުރައްވާށެވެ. ފެހިބައްތި ދައްކަވާށެވެ. ދިއްލައިދެއްވާށެވެ. ޕާޓީތަކަށް ކުރިޔަށް ދާންއޮތްމަގު ހުޅުވާލަ ދެއްވާށެވެ. ގާނޫނުގެ ތެރެއިން އަމާންކަމާއި މިނިވަންކަން ދެއްވާށެވެ. އަމިއްލަފުޅަށް ހަލާކުވުމަކީ ދަންޖެހުން ކަމުގައި ބައެއް މީހުން ސިފަކުރެއެވެ. 30 އަހަރުގެ ތަޖުރިބާ ޒަހަރު ތަށްޓަކަށް  ހައްދަވައިގެން ނުވާނެއެވެ. އެއި މުރުތައްދު ވުންފަދައެވެ. އަދިވެސް ވިސްނާލެއްވުމަށް ފުރުސަތު އެބައޮތެވެ. އޭ! ﷲއެވެ! ރައީސް މައުމޫނަށް ހެޔޮ ވިސްނުން ދެއްވާއި ހެޔޮމަގަށް ރުޖޫޢަ ކޮށް ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page