ސިޔާސީ މަޤްޞަދުތައް ހިމެނޭ، 12 ބިލިއަން ރުފިޔާގެ ތިލަފަތް ހަމަކޮށްފައިވާ މާސިންގާ ދަރަނިވެރި، ބަޖެޓެއް ސަރުކާރުން، 2007 ވަނަ އަހަރަށް ހުށަހަޅުއްވައިފި.
- ilyashusein
- Oct 24, 2009
- 7 min read
=އިލްޔާސް ހުސައިން އިބްރާހިމް=
އާދެ! 2007 ވަނަ އަހަރަށް ލަފާކުރައްވާ 12.34 ބިލިއަން ރުފިޔާގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓު ހުށަހަޅައި ދެއްވީ، ފިނޭންސް މިނިސްޓަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވަރަށް ފަޚުރުވެރިކަމާއެކު އުފަލުން ހިނިތުން ވެލައްވައި ހުންނަވައި ގެންނެވެ. މިއީ ދިވެހި ތާރީޚުގައިވެސް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. އަދި ރައްޔިތުންގެ ބޮލުގައި އަޅުވާ އެންމެ ބޮޑު ދަރަނީގެ ބަޖެޓެވެ. އަހަރު ތަކަކަށް ދިވެހި ރައްޔިތުން މި ބަޖެޓުން ދަރަނިވެރި ވެގެންދާނެއެވެ. މި ބަޖެޓުގެ ތިލަފަތް، ހަމަ ކުރައްވާފައި ވަނީ، ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރައްވާފައިވާ 7.3 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް އުއްމީދުކޮށް ލަފާ ކުރައްވާ 5.06 ބިލިއަން ރުފިޔާއިންނެވެ. މިއީ އެކި ގޮތްގޮތަށް ރައްޔިތުން ދަރުވާލާ ބޮޑު ދަރަންޏެކެވެ. މި ގޮތަށް ތިލަފަތް ހަމަ ކޮށްލުމަކީ، ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. ގްރޭޑް ތިނެއްގެ ދަރިވަރަކަށްވެސް މިކަން ކޮށްލެވިދާނެއެވެ. އެންމެ އާދައިގެ ނޫސްވެރިއަކަށް ވެސް މިގޮތަށް ތިލަފަތް ހަމަކޮށްލެވިދާނެ ބަޖެޓެއް އެކުލަވާލައި ނޫސްތަކުގައި ނެރެވިދާނެއެވެ. މާއުނދަގޫ ކަމަކަށް ނުވާނެއެވެ.
މިނިސްޓަރ ގާސިމް، ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވީ، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރައްވާފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ސަރުކާރަށް ލިބޭނީ، އިންޕޯޓް ޑިއުޓީއިންނާއި ރިސޯޓުތަކުގެ ކުލިން ކަމަށެވެ. ޑިއުޓީން ގަތްގަނޑަކަށް 2.4 ބިލިއަން އަދި ރިސޯޓްތަކުގެ ކުލިން 1.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރައްވާފައި ވެއެވެ. ދެން ހުރި ފައިސާ އަކީ ލޯނު ނަންގަވައިގެން ލިބޭނެ ފައިސާ ކަމަށް ބުނެ، ތިލަފަތް ހަމަކޮށްލީއެވެ. ފިނޭންސް މިނިސްޓަރަކީ، ކުޅަދާނަ މަހުޖަނެއް ނަމަ، އަމިއްލަ ޖީބުން ލައިގެން ވެސް ތިލަފަތް ހަމަ ކޮށްލެވިދާނެ ކަމަށް ހިތަށް އަރާފާނެއެވެ. ޚަޒާނާގެ ވެރިކަން ހަވާލުކުރާނީ، ތިމަންނާގެ އެފަދަ ގާބިލްކަން ހުރީމާ ކަމަށްވެސް ގަބޫލު ކުރައްވަ ފާނެއެވެ. އުފުލަން ބުރަ، މިބިޔަ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވީ 29 ނޮވެމްބަރ 2006ވީ ބުދަދުވަހުއެވެ. ބަހުސް ފެށުނީ 7 ދުވަސް ފަހުން، 6 ޑިސެމްބަރ 2006 ވީ ބުދަ ދުވަހު އޮތް ޖަލްސާގައެވެ. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ގާސިމް ވިދާޅުވި ގޮތުގައި މިބަޖެޓަކީ އިޖްތިމާޢީ ބަޖެޓެކެވެ. 50 ޕަސެންޓް ހޭދަވަނީ އިޖްތިމާޢީ މަސައްކަތަށާއި އިޖްތިމާޢީ ކަންތަކަށެވެ. ޢިއްޒަތްތެރި މެންބަރުންނަށް އެމަނިކުފަނު އިލްތިމާސް ކުރެއްވީ، ހުރަސް ނާޅުއްވައި މިބަޖެޓް ވީހާއަވަހަށް ފާސްކޮށް ދެއްވުމަށެވެ. ހީވަނީ ބޮޑު ސޭޓު ކުދި ސޭޓުންނަށް ނެރޭ އަމުރެއް ހެންނެވެ. އަދިވެސް އިތުރަށް ވިދާޅުވިއެވެ. ތިމަންނާއަކީވެސް ތިޔަ ބޭފުޅުން ގޮތަށް ތިޔަ ކުރައްވަމުން ގެންދާ އިހުސާސްތައް ކުރަމުންގެންދާ މީހެކެވެ. މި ވާހަކަތައް ވަރަށް ފޯރީގައި ވިދާޅުވަމުން ގެންދެވި އިރު، އެހުންނެވީ ދައުލަތުގެ އެންމެ އިސް ރައްޔިތުންގެ މަޖިލީހާއި މުޚާޠަބު ކުރައްވަންކަން ވަނީ ހަނދުމަފުޅުން ގޮސްފައެވެ. އުފަލުން ގޮސް ހަމައިން ކައްސާލާފައެވެ.
އާދެ، މިނިސްޓަރ ގާސިމްގެ މޮޅު އެއްކަމެއް ހާމަވެ ފެނިގެން ދިޔައެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ. އެއްވެސް ކަމެއް ފޮރުވަން ނޫޅުއްވާ ހާމަކުރައްވަން މަސައްކަތް ކުރައްވާތީ އެވެ. ބަޖެޓަކީ، މީގެ ކުރިން ވަރަށް އަބުއި އެއްޗެވެ. ގާނޫނު އަސާސީ ފޮރުވައިގެން ގެންގުޅުނުހެން ބަޖެޓަކީވެސް ބޮޑު ސިއްރެކެވެ. އޮފީސްތަކުގެ ވެރިންގެ ތެރެއިންވެސް ބަޖެޓުން ލިބިފައިވާ މަދު ތަފްޞީލުކޮޅު ފެންނާނީ ވަރަށް މަދު ބަޔަކަށެވެ. މިނިސްޓަރ ގާސިމްގެ ޕޮލިސީ އަކީ ހާމަ ކުރުމެވެ. މިއީ ކޮން މަގުޞަދެއްގައި ކުރައްވާ ކަމެއް ކަމެއް ނޭގެއެވެ. ހާމަކަން ބޮޑުވި ވަރަކަށް ސުވާލުތައް އިތުރު ވާނެއެވެ. ސުވާލުތައް ގިނަވި ވަރަކަށް އަޑި އެނގެމުންދާލެއް ބޮޑުވާނެއެވެ. އަޑި އެނގުނު ވަރަކަށް ހަގީގަތް ފަޅާއަރާނެއެވެ. ހަގީގަތް ފަޅާއެރި ވަރަކަށް ބެޒާރު ވާނެއެވެ. ބޭޒާރުވީ ވަރަކަށް ރައްޔިތުންގެ ރުހުން ސަރުކާރަށް ގެއްލޭނެއެވެ. ދެން ޖެހޭނީ، ގައުމު ދަރުވާލައިގެން ވިޔަސް އިމިއްލަ ނަފްސާއި ބާރު ދިފާޢުކުރާށެވެ. އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަޅުގަނޑު ސްލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމެންޓް ޔުނިޓާ ހަވާލުވުމަށްފަހު ބަޖެޓެއް ފުރަތަމަ ފަހަރަށް ދުށްއިރު އޮތީ އެންމެ ދެގަނޑެވެ. ތަފްސީލުތަކެއް ނެތެވެ. އެހެނަސް މިނިސްޓަރ ގާސިމް މިގެނެސް ދެއްވީ ވަރަށް ތަފްޞީލު ބޮޑު މާސިންގާ ދެވޮލިއުމްގެ ތަފްސީލީ ބަޖެޓެކެވެ. އަދިވެސް ރައްޔިތުންނަށް ބޭނުންވާވަރަށް ތަފްޟީލު މަދުކަމަށް ބައެއް މެންބަރުން ދެކެވަޑައި ގަންނަވައެވެ. ދަރަނި ތަކުގެ ތަފްޞީލު އިތުރަށް ބޭނުން ވެއެވެ. ނަގާ ލޯނު ތަކުގެ އިންޓަރެސްޓް ތަކާއި ގްރޭސް ޕީރިއަޑާއި އިތުރު ތަފްޞީލު ތައް ބޭނުންވެއެވެ. ސަރުކާރުން ކުރަމުން ގެންދާ ޚަރަދުތަކުގެ އިތުރު ތަފްޞީލު ބޭނުމެވެ.
އާދެ! 7 ޑިސެމްބަރ 2006ވީ، ބުރާސްފަތި ދުވަހު ވެސް އޮތީ ބަޖެޓާބެހޭ ބަހުސް ކުރުމެވެ. މިއީ ބަހުސްގެ ދެވަނަ ދުވަހެވެ. ކުރީ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ޖަލްސާ ފެށުނީ ދިހަ މިނިޓް ފަހުންނެވެ. ޖަލްސާ ފެށޭވަރުވީ ކޯރަމްގެ އެންމެ ދަށް އަދަދާ އެކުގައެވެ. ދައުލަތުގެ އެންމެ މުހިންމު އަސާސަކީ ބަޖެޓެވެ. ބަޖެޓާ ނުލާ ދައުލަތަށް ދިރިދެމިއެއް ނޯވެވޭނެއެވެ. ބަޖެޓް ހަރުދަނާ ކުރުމަކީ ދައުލަތުގެ ދިރުމެވެ. ފުރާނައެވެ. ހަގީގަތަކީ މިއެވެ. ހިތާމަ ކުރަން ޖެހެނީ، ބަޖެޓް ޖަލްސާތަކަށް ސަރުކާރު ބޮޑުންގެ އަރާރުން ވުމުގެ ސިޔާސީ ކޯޅުން ގަނޑުގެ ބަލިން އަސަރު ކުރާތީއެވެ. މިބަލީގެ އަސަރު ހާޒިރީއަށް ބަލާލުމުން ހާމަކޮށް ދެއެވެ. ދެދުވަހުގެ ބަހުސްގައި ހިނގާދިޔަ ކަންތަކަށް ބަލާލުމަށްފަހު ވެސް ދަންނަވަންއޮތީ އެއް ވާހަކައެކެވެ. ޢިއްޒަތްތެރި ބައެއް މެންބަރުންގެ ފަރާތްޕުޅުން މިކަމަށް އިސްކަމެއް ނުދެއްވައެވެ. ދިވެހި ގައުމަށް އިހުތިރާމް ކުރައްވާތަން ފެންނަލެއް މަދެވެ. ބަޖެޓާމެދު ވިސްނާއިރު އިސްކަން ދޭންޖެހޭނީ ގައުމީ މަސްލަހަތަށެވެ. އެހެނަސް މިހެން މިވަނީ ސަބަބުތަކެއް ހުރެގެންނެވެ. ސަރުކާރު ރޫޅި ބައިބައި ވެފައި ވުމުގެ އަލާމާތެވެ. ދެވަނަ ދުވަހު އިންޓަވަލަށްފަހު، ޖަލްސާ ފަށަންވެގެން ރިޔާސަތުން ޖެހުނީ މަޖިލީހުގެ މުޅި ޢިމާރާތް ތެރޭގެ އެތަންމިތަން ބަލާ ހޯދައިގެން މެންބަރުން ތަޅުމަށް ވައްދާށެވެ. 11:10 ހިނގި އިރު ތަޅުމުގައި ހާޒިރުވެ ތިއްބެވީ ވިއްސަކަށް މެންބަރުންނެވެ. 11:13 ގައި އަމީން އާންމުގެ މަސައްކަތުން 25 މެންބަރުން ހަމަވެއްޖެއެވެ. އަދި ރިޔާސަތުން، މިހާރު، 25 ޢިއްޒަތްތެރި މެންބަރުން އެބަތިއްބެވި ކަމަށާއި ކޯރަމް ކަމުގައިވާ 26 މެންބަރުން ހަމަކުރެއްވުމަށް އަދި އެއް މިނިޓް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އާދެ! 26 މެންބަރުން ހަމަވެގެން އިންޓަވަލަށް ފަހު ޖަލްސާ ފެއްޓެވުނީ، ބަރާބަރު 11:15 ގައެވެ. މިސެޝަން ފައްޓަވަން ޖެހޭ ގަޑިއަކީ 11:00އެވެ. ވާހަކަ ކުރިއަށް ގެންގޮސް ދެއްވުމަށް ރިޔާސަތުން ދެންނެވީ އިންޓަވަލް ކުރިން ވާހަކަ ދައްކަވަން ހުންނެވި ގދ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު ޒާހިރު އާދަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅަށް ތެދުވެވަޑައިގެންނެވި ތަނާހެން ދ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަހުމަދު ނާޝިދު ނިޒާމާބެހޭ ނުކުތާއެއް ނަންގަވައި ވިދާޅުވީ އޭނާއަށް ދިމާވެފައިވާ ޒަރޫރީ ހާލަތަކާއިހެދި ޖަލްސާއިން ނުކުތުމަށް މަޖުބޫރު ވެއްޖެ ކަމަށެވެ. ނާޝިދަށް ފަހު ދެން ނިޒާމާއި ބެހޭ ނުކުތާއެއް ނެންގެވީ ދ.އަތޮޅުގެ އަނެއް މެންބަރު އަހުމަދު ޝިޔާމް މުޙަންމަދެވެ. މީނާ ވިދާޅުވީ ދ.އަތޮޅަށް ބަޖެޓް އެކުލަވާލުމުގައި ހައްދަވާފައިވާ ގޮތުން ހިތްހަމަ ނުޖެހޭތީ އަޅުގަނޑުމެން ދ.އަތޮޅުގެ ދެމެންބަރުން ޖަލްސާގެ މިބައިގައި ތިބެން ބޭނުން ނުވާކަމަށެވެ. އަޅުގަނޑުމެން ދެމީހުން ޖަލްސާ ދޫކޮށް ބޭރަށް މިނިކުންނަނީ ކަމަށް ވިދާޅުވެ ދެބޭފުޅުން ވޯކްއައުޓް ކުރެއްވި އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު ވިދާޅުވީ ތިޔަ ޢިއްޒަތްތެރި ދެމެނަބަރުން ވެގެން މަޖިލީހުގެ މިޖަލްސާ ނުސީދާކޮށް ތިޔަ ހައިޖެކް ކުރައްވަނީކަމަށެވެ. އެހެނަސް އެދެބެފުޅުން ނުކުންނެވުމުން ކޯރަމް ގެއްލުނީމާ ޖައްސަވާ ރަނގަބީލު ޖެއްސެވުމަށް ފަހު އެކަމަށް އޮންނަ ވަގުތުކޮޅު ހަމަވުމުން ބަޖެޓާ ބެހޭ މިއަދުގެ މިޖަލްސާ މިހުއްޓާލައްވަނީ ދ.އަތޮޅުގެ ދެމެންބަރުން ކޯރަމް ނަންގަވާލެއްވުމުން ކަމަށް އިއުލާން ކުރެއްވިއެވެ. ދެން ބަޖެޓާ ބެހޭ ގޮތުން ބަހުސް ކުރުމުގެ ޖަލްސާއެއް އޮންނާނީ 13 ޑިސެމްބަރ ވާ ބުދަ ދުވަހުގައި ކަމަށްވެސް އިއުލާން ކުރެއްވިއެވެ. މިއީ ދިވެހި ތާރީޚުގައި ބަޖެޓާބެހޭ ގޮތުން ހިންގި ވަރަށް ފާހަގަ ކުރަން ޖެހޭ މުހިންމު ޖަލްސާއެކެވެ. ސަރުކާރުގެ ބޮޑުންގެ މި ސިޔާސީ ކުޅިގަނޑުގެ އެންމެ ހެއްވަކަމަކީ، މާފަހުން ރައީސް މައުމޫނުގެ ގަރާރަކުން އުފެއްދެވި ސިޔާސީ ޕާޓީއެއް ކަމުގައިވާ ޑީ.އާރު.ޕީ. އިން ދިވެހި ސަރުކާރު ހައިޖެކް ކޮށްގެން ތިބެ ޕާޓީގެ އެއް ނައިބު ރައީސަށް ހުންނަވައި ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ޒައީމާއި ބޮޑުންގެ ރުހުން ލިބިފައިވާ ބަޖެޓާބެހޭ ޖަލްސާ ބޮއިކޮޓް ކުރައްވައިގެން ނުކުންނެވި މީހަކީ އެޕާޓީގެ އަނެއް ނައިބު ރައީސް ކަމަށްވާތީއެވެ. މިއީ ދިވެހި ރައްޔިތުން ވިސްނާލަން ޖެހޭ ވަރަށް މުހިންމު އަސާސީ ކަމެކެވެ. ރާއްޖޭގެ ސަރުކާރު ހައިޖެކްކޮށްގެން އުޅޭ ޑީ.އާރު.ޕީގެ ބާރު ހުރި ވަރާއި އެތެރެފުށް އޮތް ގޮތް މިދަނީ ފަޅާއަރައި ފެންނަމުންނެވެ. ޕާޓީގެ ޒަޢީމް އަދި ގައުމުގެ ރައީސް މައުމޫނު ވިދާޅުވަނީ ޑީ.އާރު.ޕީ އަކީ ރޫލިން ޕާޓީ (ވެރިކަން ކުރާ) ކަމަށެވެ. އަދިވެސް އިތުރަށް ހަޑިހޭވޭ ތޯ ބައްލަވާށެވެ. ރައްޔިތުންނަށް އޮޅުވާލާ ފުރައްސާރަ ކުރެއްވޭނީ ވަކި މިންވަރަކަށެވެ. އެކަން ގަބޫލު ކުރައްވާށެވެ. ޔަގީން ކުރައްވާށެވެ. މުޅި ދުނިޔެ މިހާރުވަނީ އެކަން ގަބޫލު ކޮށްފައިކަން ކަށަވަރެވެ. ދެން ފަހެ ސަރުކާރުގެ ކަންމަގު މިގޮތަށް ހުރި އިރު މާސިންގާ ދަރަނީގެ މިބަޖެޓަކީ ވަގުތީ ގޮތުން ސަރުކާރު ދެމެހެއްޓުމަށާއި ވަރުގަދަ ކުރުމުގެ މަގުސަދުގައި ސިޔާސީ މަގުޞަދުތަކެއް ޙާޞިލް ކުރުމަށް އަންދާޒާ ކޮށްފައިވާ ވަރަށް ސިޔާސީ ބަޖެޓެކެވެ. އިޖްތިމާޢީ ބަޖެޓެއް ނޫނެވެ. ދުނިޔޭގެ އެތަންމިތާގައި ބަޖެޓް އެކުލަވާލަނީ ރައްޔިތުންގެ ފައިދާއަށާއި މަންފާއަށެވެ. ރައްޔިތުންގެ ކުރިމަގަށެވެ. ރައްޔިތުންގެ ދިރުމަށެވެ. ވެރިމީހާގެ އުމުރު ދުވަހަށް ސަރުކަރު ދެމެހެއްޓުމަށް އަމާޒުކޮށެއް ނޫނެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް އަމާޒުކޮށް ޚިދުމަތްތަކެއް ކޮށް ދިނުމަށެވެ. ރައްޔިތުން ދަރުވާލައި އިނދަ ޖައްސާލާކަށެއް ނޫނެވެ. މިރާއްޖޭގައި ސަރުކާރުން ރައްޔިތުންނަށް ސީދާކޮށް ދެވޭ އެއްވެސް ޚިދުމަތެއް ނެތެވެ. ކޮންމެ ޚިދުމަތަކުން ވެސް ފައިސާ ނަގައެވެ. އަރާ ފައިވާނުން ފެށިގެން ބޮލުގައިލާ ތެލުންވެސް ފައިސާ ނަގައެވެ. ސައުދި އަރަބިއާގައި އެންމެ ނިކަމެތި ބަދަވީންގެ އަވަށްތަކަށްވެސް ހިލޭ ފެން ގެންގޮސްދެއެވެ. ބޭސްކޮށް ދެނީ ހިލެއެވެ. ކިޔަވައި ދެނީވެސް ހިލެއެވެ. ކައިވެނި ނުކުރެވޭ މީހުންނަށް ކައިވެނި ކޮށްދިނުމުގެ ފަންޑުތައް ގައިމުކޮށްފައި ހުރެއެވެ. އެހެނަސް އަޅުގަނޑުމެންނަށް ޖެހިފައިވާ ހާލަކީ އެންމެ ކުޑަމިނުން ބޯލާނެ ފެން ފޮދަށް ނަގާ ފައިސާއިން އަހަރަކަށް ސާޅީސް މިލިއަނުން ފަސްދޮޅަސް މިލިއަނާ ދޭތެރޭގެ ފައިސާ ނަގުދުން ޖަމާ ކުރުމެވެ. ބޮޑުފައިދާއެއް ސަރުކާރަށް ނެގުމެވެ. ފެނަކީ ހުރިހާވެސް ދިރުމެވެ. ސަރުކާރަށް މިފަދަ ކުންފުނިތަކުން މިހާ ބޮޑު އަދަދަށް ސާފު ފައިދާ މިނަގަނީ، ބޮޑެތި ކަރަޕްޝަން ތަކާއެކު ގައެވެ. ރައްޔިތުންގެ ބާރުތަކުގެ މައްޗަށް ވަނީ ސަރުކާރު ގަދަ ކޮށްފައެވެ. އެހެންވުމުން މިކުންފުނިތަކުން މިކުރެވޭ ކަމަކީ، ރައްޔިތުން އިނދަ ޖައްސާލުމެވެ. ރައްޔިތުންގެ ދިރުމަށް ހުރަސް އެޅުމެވެ. ދައުލަތުގެ ރިޒާވުގައި ފައިސާތަކެއް ޖަމާ ކުރެވިފައި ނެތަސް މިފަދަ ޚިދުމަތެއް ހިލޭ ދެވިދާނެއެވެ. ޒުވާނުންގެ ކުރިމަގަށް މިބަޖެޓުން އަމާޒުކޮށްފައިވާ ވަރަށްވުރެ ބޮޑަށް މިބަޖެޓް އަމާޒުކޮށްފައި ވަނީ، ސަލާމަތީ ބާރުތައް ވަރުގަދަ ކުރުމަށެވެ. އަދި އެބާރުތަކަށް ބެނުންވާ ސާމާނާއި ތަކެތި ހޯދުމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވޭ ގޮތަށް ހުރި ސަރުކާރުގެ އިދާރާތަކަށް ފައިސާ އިތުރު ކޮށް ދިނުމެވެ. މިހުރިހާ ދާއިރާ ތަކެއް ވަރުގަދަ ކޮށް ސަރުކާރު ދެމި އޮތުމަށް ކަނޑަނޭޅި މަސައްކަތް ކުރާއިރު ޒުވާނުން ޑްރަގްގެ ވަބާރެތެއަށް ދޫކޮށްލައިގެން ތިބެންވީއެވެ. އަޅާލާނެ ފަރާތެއް ނެތެވެ. ސުނާމީ އަރާ ހާލުގައި ޖެއްސި ރައްޔިތުން އަދިވެސް ތިބީ އެނބުރި ކުރީގައި ތިބި ހާލަތަށް ރުޖޫޢަ ނުވެވިފައެވެ. އަޅާލާން ވާވަރަށް އަޅާ ނުލެވިފައެވެ. ވަގުތީ ފޭލިގެ ތަކުގައެވެ. އިސްލާމްދީނާއި ދުރު ބޭރުގެ އެކިއެކި ޖަމާޢަތްތަކަށް ދިވެހިންގެ ތެރެއަށް ވަނުމަށް ފުރުޞަތު ދީގެން ވާފައިދާގެ އުފަލުގައި ބަލަން ތިބީއެވެ. ރަތް ކާލިގަނޑުގެ އަހުލުވެރިން އައިސް ދިވެހިންގެ ހިޔާވަހިތައް ޢިމާރާތް ކޮށްދޭކަށް ނުޖެހެއެވެ. ކޮޅުނބުގެ ވެސްޓް މިނިސްޓަރ ހައުސްގައި ސަރުކާރާ އިދިކޮޅު މަދުބަޔަކު ގޮވައިގެން ގޮސް ރާއްޖޭގެ ދާޚިލިއްޔަތާއި ސަރުކާރުން ސީދާކޮށް އިނގިރޭސިން ލައްވާ ބައްސާކަށް ނުޖެހެއެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް އެފަދަ ބިދޭސީ ބާރުތަކަށް ދައުވަތު ދީގެން ރާއްޖެ ގެނެސް ސިޔާސީ ބައްދަލުވުންތައް ރާވާއި ހަދައިދޭކަށް ނުޖެހެއެވެ. ދިވެހިންނަށް ދިވެހިންގެ ކަންތައް ކުރެވެން ޖެހޭނެއެވެ. ދިވެހި ދަރިން ދިވެހި ވަންތަކަމަށް ގާބިލް ކުރުމަކީ ބަޖެޓްގެ އެންމެ މުހިންމު ޒިންމާއެވެ. ކޮންމެ ކަމަކަށްވެސް ކުރިމަތި ލާން ކެރޭ ގާބިލް ދިވެހި ދަރިންތަކެއް ބިނާ ކުރުމަކީ ސަރުކާރުން މިފަދަ ބަޖެޓެއް އެކުލަވާލުމުގެ އަމާޒަށް ވާން ޖެހޭނެއެވެ. އެހެން ނުވަނީ ނަމަ، އެބަޖެޓަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެއްޗެއް ނޫނެވެ. ވެގެންދާނި، ސިޔާސީ މަގުޞަދެއް ހާސިލް ކުރުމަށް ހިންގާކަމަކަށެވެ.
އާދެ! ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ރައުސުލްމާލު އިތުރު ކުރުމަށްޓަކައި 341 މިލިއަން ރުފިޔާ އަނެއްކާވެސް މިއަހަރު ޚަރަދު ކުރަންވީއެވެ. ބެންކް އޮފް މޯލްޑިވްސް އަށް އިތުރު ފައިސާ މިއަހަރު ދޭންވީއެވެ. އެސްޓީއޯއަށް އިތުރު ފައިސާ މިއަހަރު ދޭންވީއެވެ. ވަކި މަހުޖަނުންތަކެއް މުއްސަނދި ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އިތުރު ފައިސާ މިއަހަރު ދޭންވީއެވެ. ސަރުކާރުން ފައިސާގެ އެހީދޭންވީއެވެ. މިއީ ބޮޑު އަޖައިބެކެވެ. ވިސްނައި ބޯގާނަން އުނދަގޫ އަރަތެކެވެ. އެފަދަ ތަންތަނުން އަމިއްލަ ޒާތުގައި އަމިއްލަ ފައި މައްޗަށް ނުތެދުވެވެންވީ ކީއްވެތޯއެވެ؟ ބަރާބަރަށް ނުހިންގެނީ ކޮން ބައެއްގެ އިހުމާލުންތޯއެވެ؟ ބަނގުރޫޓް ވަމުންދަނީ ކީއްވެ ތޯއެވެ؟ އިތުރަށް ޗާޕްކޮށްގެން ފައިސާ އެޅުމުގެ ކުރިން ބަލަންވީ ނުންތޯއެވެ؟ ތަހުގީގު ކުރަންވީ ނޫންތޯއެވެ؟ ސަލާމަތީ ބާރުތަކަށް (ސިފައިންނާއި ފުލުހުންނަށް) 800 މިލިއަން ރުފިޔާ ޚަރަދު ކުރަންވީއެވެ. ތަޢުލީމީ ދާއިރާއަށް އޮތީ 900 މިލިއަން ރުފިޔާއެވެ. ސިއްޙީ ދާއިރާއަށް އޮތީ 700 މިލިއަން ރުފިޔާ އެވެ. ސަލާމަތީ ބައިން އުނިކޮށް މިބައި ތަކަށް ފައިސާ އިތުރު ކުރަން ނުވިސްނަނީ ކީއްވެތޯއެވެ؟ ދިވެހި ދަރިންނަށް ހިލޭ ޚިދުމަތެއް ފޯރުކޮށްދެވޭތޯ ބަލަން ވެއްޖެއެވެ. މިހާރު އެވަގުތު އަތުވެއްޖެއެވެ. ކިޔަވާ ހުރިހާ ކުދިންނަށް އެންމެ މަދު މިނުން ހިލޭ ފޮތްތައް ލިބޭނެ ގޮތެއް ހެއްދެވިއްޔާ މާރީތި ނުންތޯއެވެ؟ ޖީސިގެ ލެވަލްތަކަށް ދައްކަންޖެހޭ، ފައިސާ ދައްކައި ދިނިއްޔާ މާތީރި ވާނެއެވެ. ސާފު ފެން ފޮދެއް ނުލިބި ތިބި ރައްޔިތުންނަށް ސާފުފެން ފޯރުކޮށްދެއްވިޔާ މާރަނގަޅު ވާނެއެވެ. ރަށްފުށުގައި ރައްޔިތުން ތިބީ ކޮންހާލެއްގައި ތޯއެވެ؟ ސަލާމަތީ ބާރުތަކުގެ ޢިމާރާތްތައް ބުރި ބުރިއަށް އެޅުމަށްޓަކައި ނަގަން ގަސްތުކުރާ ލޯނުތައް ބޮޑު އިންޓަރެސްޓުގައި ހަމަ ނަގަން ޖެހޭތޯއެވެ؟ އެދާއިރާއިން ފައިސާގެ ބައެއް މަދުކޮށް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބައެއް ނުނަގަންވީ ކީއްވެތޯއެވެ؟ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި އިގްތިޞާދީ ފެންވަރު މަތިކުރުމަށް ކުރެވެން ހުރި ގިނަގުނަ މަސައްކަތްތައް ކުރަންވީ ނޫންތޯއެވެ؟ އެކިއެކި ޓްރޭނިން ތައް ހިންގަންވީ ނޫންތޯއެވެ؟ ޑައިވިން ސްކޫލުތައް އެކިއެކި ސަރަޙައްދުގައި ގާއިމު ކުރަންވީ ނޫންތޯއެވެ؟ ހޮސްޕިޓަލްތަކަށް ނަރުހުންނާއި ޑޮކްޓަރުން ތަމްރީނު ކުރެވިދާނެއެވެ. އެކިއެކި މަރުކަޒުތައް ބިނާކޮށް ތަފާތު ތަމްރީނުތައް ދޭންވީ ނޫންތޯއެވެ؟ ރައްޔިތުންގެ ކުރިމަގަށް ފައިދާ ހުރި ރަނގަޅުކަމެއް ކުރަންވީ ނޫންތޯއެވެ؟ ގަނޑުވަރު ތަކަށާއި އާރަށަށް އަދި ސިންގަޕޫރުގައި ހުންނަ ޓްރޭޑް ސެންޓަރަށް އިތުރު ޚަރަދުތައް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ބޭރު ގައުމުތަކުގައި އެންބަސީތައް އިތުރު ނުކުރިއްޔާ ސަރުކާރުން ދައްކާ ވާހަކަތައް އެގައުމު ތަކުން އަޑު ނާހާނެތޯއެވެ؟ މިހުރީ ހުސް ޚަރަދެވެ. ބަޖެޓެއް ދިރާސާ ކުރާއިރު ބަލަން ޖެހޭ ދިމާތަކެވެ. ބޮޑު ބަދަލެއް މިބަޖެޓަށް ގެނެސްގެން ނޫނީ ފާސްކޮށްގެން ނުވާނެއެވެ. އެއް ބައިން އަނެއް ބަޔަށް ފައިސާ ބަދަލުކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ.
އާދެ! 12 ބިލިއަން ރުފިޔާގެ ބަޖެޓުން ދިވެހި ކޮންމެ ބޮލަކަށް 44 ހާސް ރުފިޔާ އެބަޖެހެއެވެ. މިއީ ހާދަހާ ބޮޑު ވަރެކެވެ. މިއީ ކުޑައެއްޗެއް ނޫނެވެ. 2006ގެ ބަޖެޓަށްވުރެ 2007ގެ ބަޖެޓު 40 އިންސައްތަ ބޮޑެވެ. މިއީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ފައިދާއެއް ނުކޮށް މުޅި ގައުމު ގަސްދުގައި ދަރުވާލުމެކެވެ. ނުސީދާ ގޮތެއްގައި ރައްޔިތުން ވަކި ބައެއްގެ ފައިދާއަށް ވިއްކާލުމެވެ. މިނިސްޓަރ ގާސިމް މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެއެވެ. އުފުއްލަވަން ޖެހޭނެއެވެ. ފައިދާ ހުރި ގޮތުގައި ބަޖެޓް ބޮޑުވުމަކީ، މައްސަލައެއް ހުރި ކަމެއް ނޫނެވެ. އެހެނަސް ރެވެނިއު ސްޓޭމްޕް އަގު ބޮޑު ކުރުމާއި ބިދޭސީންގެ ވިސާ ފީއަގު ބޮޑު ކުރުމާއި އެކިއެކި ޚިދުމަތްތައް އަގުބޮޑު ކުރުމަކީ، ސީދާކޮށް ރައްޔިތުން އިނދަ ޖެއްސުމެވެ. ކަސްޓަމް ޑިއުޓީ އޮތްގޮތަށް އޮއްވާ އިތުރު ޓެކްސްއެއް ނަގަން ފަށަނީއެވެ. ރައްޔިތުންގެ މިލްކިއްޔާތު ކަމުގައިވާ ފަޅުރަށްތައް ފަންސާސް އަހަރަށް މަދު ބައެއްގެ ފައިދާއަށް ދޫކޮށްލަން ގޮވާލައިފިއެވެ. ބަޖެޓްގެ ތިލަފަތް ހަމަހަމަކުރުމަކީ މިއީތޯއެވެ؟ އިޖްތިމާޢީ ހަމަހަމަ ކަމަކީ މިއީތޯއެވެ؟ އިޖްތިމާޢީ ބަޖެޓަކީ މިއީތޯއެވެ؟ ބަޖެޓުން 50 ޕަސެންޓް އިޖްތިމާޢީ ކަންކަމަށް ހަރަދު ކުރުމަކީ މިއީތޯއެވެ؟ ދިވެހި ޒުވާނުން ބާކީކޮށް މަގުމައްޗަށް ނެރެ، ޑްރަގްދީގެން ބޭކާރު ކުރުން ހުއްޓާލަން ވެއްޖެއެވެ. ސަލާމަތީ ބާރުތަކުން ޒުވާނުންނަށް ދެމުން ގެންދާ ތަމްރީނުތައް ތަހުޒީބުކުރަމުން ދާއިރު އަޚްލާގައި ސުލޫކީ މިންގަނޑު، ތަމްރީނު ދޭން އަންނަ ބެންކޮކް ފަދަ ގައުމުތަކުގެ އޮފިސަރުންނަށް ދޫކޮށްލައިގެން އެކުދިންގެ ދީން ނަގާލިޔަ ދީގެން ނުވާނެއެވެ. އެއް ޖިންސުން ނުވަތަ ދެޖިންސު އެއްކޮށްގެން އެގަންނަ ގަނޑުތައް ތަހުޒީބީ، އަޚްލާގީ، ސުލޫކީ މަގުން ގެންދިއުމަށް ބާރު އެޅުއްވުމަށް، ޑިފެންސް މިނިސްޓަރ އިސްމާޢީލް ޝަފީޢު އާއި ހޯމް މިނިސްޓަރ ތަސްމީން ޢަލީއަށް ހަރުއަޑުން ގޮވާލަމެވެ. ސިފައިންނާއި ފުލުހުންގެ ހަފްލާތަކުގެ ތެރެއިން ލީކުވެ، ފެނިފައިވާ ފޮޓޯތަކުން، އެހާމަކޮށްދޭ މަންޒަރުތައް، ތިޔަ ދައްކަވާ ވާހަކަތައްހާ ރީއްޗެއް ނޫނެވެ. ރޭތައް ދިރުވުމަށް އެފަދަ ނާޗަރަނގީ ހަފްލާތައް، އެފަދަ ގޮތްތަކަށް ދެޖިންސް އެއްކޮށްގެން، އިންތިޒާމު ކުރާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވަން ޖެހޭނެއެވެ. އަތްތިލަބަޑި ޖަހާފައި ހޭން ތިއްބެވުމަކީ، މާރީތި މަންޒަރެއް ނޫނެވެ. ފަހެ، އެއީ އަޚްލާގެއް ނެތުމެވެ. ސުލޫކެއް ނެތުމެވެ. ދިވެހި ޒުވާނުންގެ މަތިވެރި މާތްޖީލު ނެތިކޮށްލުމެވެ. ހަލާކުކޮށް ލުމެވެ.
އާދެ! ބާރަބިލިއަން ރުފިޔާގެ ސިޔާސީ އެދުންތަކުން ފުރިގެންވާ ބަޖެޓު، މިހާރު އެއޮތީ ރައްޔިތުންގެ މަޖިލީހުގައެވެ. މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކޮށް، ގޮވާލަމެވެ. ފަހެ، މިބަޖެޓަކީ، ރައްޔިތުންނަށް ހަގީގީ ފައިދާ ކުރާނެ މައުނަވީ ބަޖެޓަކަށް، ބަޖެޓުގެ މިސްރާބު ބަދަލުކޮށްލަ ދެއްވާށެވެ! ﷲ އަޅަމެންނަށް ފުރިހަމަ ވިސްނުން ދެއްވާށިއެވެ! އާމީން!


Comments