top of page

ސަރުކާރު ހަރުދަނާވުން ވަރަށް ބޭނުންތެރިއެވެ.

  • Writer: ilyashusein
    ilyashusein
  • Nov 2, 2009
  • 3 min read

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ ؛ 2009 އޭޕްރީލް ގައި)

އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! މިވާނުވާ އޮޅުން ފިލުވާށެވެ! ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންގެ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ހަރުދަނާ ކުރަންޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އެކަން ފުރިހަމަ ނުވާ ސަރުކާރެއްނަމަ ވީހާއަވަހަށް އެކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އެކަމާ ޒިންމާވާން ޖެހޭނެއެވެ. ރައްޔިތުންގެ ތެޅެމުންދާ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކަށް ހަމަހިމޭންކަމާއި ގަރާރުވުން ގެނެސް ނުދެވޭ ސަރުކާރަކީ، ފުރިހަމަނުވާ ސަރުކާރެކެވެ. ޅަފަތުގައިއޮތް ނުކުޅެދޭ ސަރުކާރެކެވެ. ކަސިޔާރު ކަމެއްގެ ތެރޭގައި އިސްތިބްދާދައި ދިމާއަށް ދަތުރުކުރާ ސަރުކާރެކެވެ. ޑިކްޓޭޓަރޝިޕަށް ލެނބޭ ސަރުކާރެކެވެ.

ފަހެ ރައްޔިތުންނުކުމެ ވޯޓުލައިގެން އިންތިޚާބުކުރާ ރައީސުލް ޖުމްހޫރިއްޔާއެއްގެ މައްޗަށް ލާޒިމުކުރާ އެންމެވަރުގަދަ ބިންގަލަކީ، އަދި އަސާސަކީ، ރައްޔިތުން އުފެއްދި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންހަދާ ގާނޫނުތަކާ އެއްގޮތަށް ސަރުކާރު ހިންގުމެވެ. ގާނޫނީސަރުކާރެއް ގައިމުކުރުމެވެ. މުޅިސަރުކާރުގެ އޮނިގަނޑު އެގޮތަށް ބައްޓަންކުރުމެވެ. ހަރުދަނާކުރުމެވެ. ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްފޯރުކޮށް ދިނުމެވެ. ގާނޫނުތަކުގެ މަތިން ސަރުކާރުގެ ހުރިހާ ފަންތިއަކުން ހަމަހަމަ ގޮތެއްގައި އެގާނޫނުތައް ވަރަށް ފުރިހަމަކޮށް، ތަންފީޒުކުރަން ޖެހޭނެއެވެ. މިއީ ރައްޔިތުންގެ ސަރުކާރެއްގެ މައްޗަށް އެންމެފުރަތަމަ ލާޒިމުވާ ކަންތަކެވެ. ފަހެ، ދަންނާށެވެ! އެންމެ ފުރިހަމަގޮތުގައި މިކަންނުކުރެވޭނަމަ، ބަލަންޖެހޭނީ ރައްޔިތުން ހަވާލުކުރި ބުރަމަސައްކަތް ޒިންމާދާރު ގޮތުގައި އަދާނުކުރެވެނީ ކަމަށެވެ. އަމިއްލަ އެދުމާއެއްގޮތަށް ދީލާލަނީ ކަމަށެވެ. އަމިއްލަ ނަފްސުގެ އެދުންތަކާ އެއްގޮތަށް ގެންދަނީކަމަށެވެ. ރިޔާސީ ނިޒާމެއްގެ ހިޔާވަހިކަމުގައި ފާޑެއްގެ ޕާލަމެންޓްރީ ވަށްތަރެއް ސިކުނޑީގައި އަށަގެންފައި ވަނީކަމަށް ބެލެވިދާނެއެވެ. ފަހެ، ރިޔާސީ ނިޒާމެއްގައި ވެރިމީހާއަކީ، ވަރަށް ޒިންމާދާރު ވާންޖެހޭމީހެކެވެ. ރައްޔިތުންގެ މިލްކުބިމުގައި ރައްޔިތުންގެ ގާނޫނީހުކުމްތައް ހަމަހަމަގޮތުގައި ހިންގުމަށް ހުންނެވި މަސްއޫލު ވެރިޔާއެވެ. ހައްގުގޮތުގައި ތެދުމަގު މީސްތަކުންނަށް ދައްކައިދޭންޖެހޭ މީހާއެވެ. ދިވެހި އުންމަތް އެކަތިގަނޑަކަށް ހަދައި އެއްބައެއްގޮތުގައި ހިތަންހުރި އެންމެ އިސްމީހާއެވެ. އެންމެންނަށް ހަމަހަމަ ގޮތުގައި އިޖްތިމާއީ އަދާލަތު ގެނެސްދޭން ވެރިވެހުރި މީހާއެވެ. ޕާޓީވެރިކަމެއް އޮތަސް، އަދި އެހެން ވަށްތަރެއްގެ އިއްތިހާދީ ވެރިކަމެއްގައި ވިޔަސް މުޅިރައްޔިތުންގެ އަޣްލަބިއްޔަތުން ވެރިމީހާ ގޮތުގައި ހޮވާނަގާ މީހަކީ، މުޅިދިވެހި އުންމަތުގެ ގާއިދެވެ. ލީޑަރެވެ. ރައީސެވެ. މުޅިރައްޔިތުންގެ ހިއްސާއޮވެގެން ހޮވާ، ދައުލަތުގެ އެންމެއިސް ވެރިޔާއެވެ. ވަކި ޖަމާއަތެއްގެ ނުވަތަ ވަކިސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މަދުބައެއްގެ ވޯޓުން އެކަނި ހޮވާމީހެއްނޫނެވެ. ވެރިއެއްނޫނެވެ. އެހެންވުމާއެކު، އެފަދަ މީހެއްގެ ވާޖިބާއި މަސްއޫލިއްޔަތަކީ، މުޅިދިވެހި އުންމަތަށް ޒިންމާނެގުމެވެ. މުޅިދިވެހި އުންމަތަށް ޚިދުމަތްކުރުމެވެ. އަމިއްލަޕާޓީގެ ހަމަތަކާއި އުސޫލުތައް ގައުމުގައި އަށަގަންނުވައި ހިންގުމެއްނޫނެވެ. ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ފަހު، ގެޒެޓްކުރާ ގާނޫނުތަކާ ޚިލާފަށް އެއްވެސްކަމެއް ކޮއްގެންނުވާނެއެވެ. ރައްޔިތުންނަށް ޚިދުމަތްދޭ ހުރިހާ މުއައްސަސާތައް  އަބަދުވެސް ހުންނަންޖެހޭނީ، ޒިންމާދާރު ގޮތަށެވެ. ވުޒާރާތަކުގައި ޒިންމާދާރުވާނެ ވަޒީރުން އަބަދުވެސް ހުވައެއްގެމަތީގައި ތިބެންޖެހޭނެއެވެ. ވަގުތީވަޒީރުން ބައިތިއްބައިގެން ވުޒާރާތައް ހިންގުމަކީ، އަސާސީއާއި ގާނޫނުތަކުގެ ބާރުކުޑަވެ ރޫހުގެއްލޭ އަމަލެކެވެ. އެއީ، ޒިންމާދާރު ވެރިކަމެއްގައި ކުރުން ރަނގަޅު ކަމެއްނޫނެވެ.

ފަހެ، ދައުލަތުގެ ބަންޑާރަނައިބު މިފަދަ ކަންކަމާމެދު ހިމޭނުން ނުހުންނަވައި ރައްޔިތުންގެ ކުރިމަތީގައި ޝަޚްޞީގޮތުން ދިފާއުވެގެން ހުންނެވުމަކީ، ހަރުދަނާކަމުގެ ރީތިމިސާލެކެވެ. ބަންޑާރަ ނައިބުގެ ގާނޫނީ ކުޅަދާނަކަން ރައްޔިތުންނަށް ދަށްކުވައިދޭ ހިންގުންތެރި ހުނަރުވެރި ސިފައެކެވެ. ދިވެހިފުލުހުންގެ ތެރޭގައި ޚާއްސަ ކޮމިޝަނެއް ރައީސްނަޝީދު އުފައްދަވަން ޖެހުނު ގާނޫނީ ސަބަބަކީ ކޮބައިކަން ބަންޑަރަނައިބު ރައްޔިތުންނަށް ހާމަކޮށްދެއްވަން ޖެހޭނެއެވެ. މަޖިލީހުގެ ދައުރާއެކު ހޮވުނު ޕޮލިސް އިންޓަރގިރިޓީ ކޮމިޝަން ހޭނއްތާލެއްވީއެވެ. ފަހެ، މިހާރުގެ ޕޮލިސް ކޮމިޝަނަރަށް ރައީސުލް ޖުމްހޫރިއްޔާ ފުރިހަމަގޮތުގައި އިތުބާރު ނުކުރައްވަނީ ބާވައެވެ! އެމް އެން ޑީ އެފް ގެ ކޮމާންޑްއިންޗީފާއި އޭނާގެނައިބު ގައުމުގައި ނެތިދާހާލަތު މިހާރަކަށް އައިސްއެބަ އާދެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދަށުން ހުންނަވާ ނައިބު ރައީސުލް ޖުމްހޫރިއްޔާއަކީ، އެމް އެން ޑީ އެފް ގެވެސް ނައިބުކަން ވަނީ، ރައްޔިތުންނަށް އަދިއަދާޖެހެންދެން ވެސް ސާފުނުވެއެވެ. ނޭގިއެވެ. ފަހެ، ބަންޑަރަ ނައިބުގެ ވާޖިބާއި ޒިންމާއަކީ، މިހެންހުރި ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދީ އޮޅުންފިލުވައި ދިނުމެވެ. ސާފުކޮށް ދިނުމެވެ. ފަހެ، ހަރުދަނާ ސަރުކާރެއް ބިނާކުރެވޭނީ އޭރުންނެވެ. ރައީސް ނަޝީދުގެ ސަރުކާރު ހަރުދަނާކޮށް ދިނުމަށް ގާނޫނީގޮތުން ލަފާ އެރުވުމަކީ، ބަންޑާރަނައިބުގެ ފުރަތަމަ ޒިންމާއެވެ. އަދި ސަރުކާރުގެ އެހެން މުއައްސަސާ ތަކުން އެދޭލަފާތައް ވީހާއަވަހަށް ނެރެ ދެއްވުމަކީވެސް ސަރުކާރު ހަރުދަނާ ކުރުމަށްއެޅޭ ވަރަށްމުހިންމު ފިޔަވަޅުތަކެކެވެ. ބަންޑާރަނައިބުގެ ގާނޫނީލަފާފުޅު ތަކުގެ ތެރެއަށް ސިޔާސީ ވިސްނުންތަކާއި މާއްދީ ކުލަވަރުތައް އެއްގޮތަކަށްވެސް ވަދެގެން ނުވާނެއެވެ. ބަންޑާރަނައިބައި އޭނާގެއާއިލާއާ، އަދި ގާތްތިމާގެ ބޭފުޅުންނަކީ، މުއްސަނދި ވިޔަފާރިވެރިން ކަމުގައި ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ކެނޑިޑޭޓުންނަށް ވިޔަސް މިއިންކުލައެއް ގާނޫނީ ލަފާފުޅެއްގައި އެއްގޮތަކަށް ވެސް ޖެހިގެން ނުވާނެއެވެ. ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން އަމިއްލައަށް ހަދައިގެން ހިންގާ ގަވާއިދުތަކަކީ، ގާނޫނާ ތައާރަޒުނުވާގޮތަށް ހިންގާ ބާތިލު ގަވާއިދުތަކެއްތޯ ބެއްލެވުމަކީ، ބަންޑާރަނައިބު ބައްލަވަލްޖެހޭނެ ކަމެކެވެ. ސަރުކާރު ހަރުދަނާ ކުރެއްވުމަށް ކުރައްވަންވީ މިކަހަލަ ކަންތައްތަކެވެ. ޒުވާން ބަންޑާރަނައިބު ބާރަށް ކުރިޔަށް ވަޑައިގަން ނަވާށެވެ.

މިސާލަކަށް ބަލާލަމާތޯއެވެ! ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުންދިޔަ “ޓީވީއެމް” އާއި “ވީއޯއެމް” އެއްކޮށްލައިގެން 2008 ޑިސެންބަރުގައި ވަނީ، “މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ)” ގެނަމުގައި، ވިޔަފާރި ކުންފުންޏެއް ރައީސް ނަޝީދު އަމިއްލަފުޅަށް އުފައްދަވާފައެވެ. މިއީ ރައްޔިތުން މަޖިލީހާ އެއްވެސް ގުޅުމެއްނެތް ގޮތަށްނަގާ ކޮޅަށްޖެއްސެވި މުއައްސަސާ އެކެވެ. މިކޯޕަރޭޝަނުގެ ބޯޑުގައި އަށްމެންބަރުން ތިއްބަވައެވެ. އަދި އާންމުކޮށް ފެންނަނީ، މެނެޖިންގ ޑައިރެކްޓަރ އަވަދިނެތި އުޅުއްވާތަނެވެ. އޭނާއަކީ، ވޭތިވެދިޔަ ތިރީސްއަހަރުވީ ރައީސް މައުމޫނުގެ ޚުދުމުޚްތާރު ސަރުކާރުގައި، ވަކިވިސްނުމަކާއި ފިކުރެއް އުފެއްދުމަށް ގަދައަޅާ މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. ގިނަމަންޒަރު ތަކެއް ފެނިފައިވާ އެކިބަސްދިނުމަށް ކުޅަދާނަ ހުނަރުވެރިއެކެވެ. ޗެއާމަނަކަށް ހުންނެވީ، ތަޖުރިބާކާރު އަލްފާޟިލް މަޑުލުމުހަންމަދު ވަހީދުކަމެއް  އެހެންބޭފުޅެއް ކަމެއް އަދިވެސް ރައްޔިތުންނަށް ސާފެއްނުވެއެވެ. މިފަދަ ކޯޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ. އަދިވެސް އިތުރު މިސާލެއް ބަލާލަމާތޯއެވެ! ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ދޫކުރަންޖެހޭ ވިޒާއެއް ކަމުގައިވާ “ވާކްވިޒާ” ދޫކުރުމާއި ވިޒާއަށް ފައިސާނެގުމާއި ވިޒާއިތުރު ކުރުމާއި ޖޫރިމަނާކޮށް، ޖޫރިމަނާފައިސާ ނަގާހެދުމަކީ، ދައުލަތުގެ އިމިގްރޭޝަންގެ ގާނޫނު (1/2007) ގެ ދަށުން ސީދާ އެމުއައްސަސާއިން ކުރަންޖެހޭ ކަމެކެވެ. އެހެނަސް އަމިއްލައަށް ބެލެނިވެރިކަމެއް ނެތް ގަވައިދެއް ހަދައިގެން މިހާރުވެސް އެކަން ހިންގަމުން ގެންދަނީ އެހެން މުއައްސަސާ އަކުންނެވެ. ހަރުދަނާ ސަރުކާރެއްގައި މިހުރީ ކަންމަގު ހިންގައިގެންވާނޭ ގޮތެއްނޫނެވެ. ސަރުކާރު ހަރުދަނާ ކުރުމަށް ބަންޑަރަނައިބުގެ ލަފާފުޅުތައް ހަގީގީމަގުން ގިނަކުރައްވަން ވެއްޖެއެވެ. މިޒާތުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުވާން ވެއްޖެއެވެ. ދައުލަތުގެ ޒުވާން ބަންޑާރަ ނައިބު ދިޔާނާސަޢީދުގެ މަސައްކަތްފުޅުގައި ބަރަކާރް ލައްވާށިއެވެ! އަމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page