top of page

ލާދީނީ، ސެކިއުލާރ، ޢިލްމާނީ ޤައުމަކަށް ދިވެހިރާއްޖެ، ހެދިޔަދީގެންނުވާނެ.

  • Writer: ilyashusein
    ilyashusein
  • Oct 10, 2009
  • 4 min read

އިލްޔާސްޙުސައިންއިބްރާހީމް. (ލިޔުނީ: 2007މ. ގައި)

ލޮބުވެތި ރައްޔިތުންނޭވެ! ބޮޑުމަޖިލީހުގެ ތަޅުމުގައި އިދިކޮޅުލީޑަރުންގެ ގޮތުގައި އެންމެމަތިހަށި ނަންގަވައިގެން ތިއްބެވި ބޭފުޅުންގެ ގުޅިފައިވާ އަޑަކީ، ހުޅަނގުގެ ޤައުމުތަކުގައި އޮންނަޒާތުގެ ލިބެރަލް ޑިމޮކްރަސީއެއް މި ލޮބުވެތި އިސްލާމީ ދިވެހި ރާއްޖޭގައި ޤައިމުކުރަން މަސައްކަތްކުރާ އަޑެވެ. ގޮވާލާ އަޑެވެ. ގާނޫނު އަސާސީން މިޙައްޤުތައް ވީހާ ލިބަރަލްކޮށް ޒަމީރާއި ހިތުގެއެންމެ ފުޅާމިނަށް އެއްވެސް ޙައްދެއްނެތި، ހުޅުވާ ލުމަށެވެ. ޝަރީޢަތެއް ނެތި، ހުރިހާއެއްޗަކީ، އަސާސީއާއި ގާނޫނުތައް ކަމުގައި ހެދުމެވެ. އިސްލާމީ ޝަރީޢަތުގެ ހުކުމެއްގެ ވާހަކަ އެއް ނުދައްކައެވެ. އަބަދުވެސް ދައްކަނީ، އަދި، އިވޭއަޑަކީ، “ރޫލް އޮފްދަ ލޯ” (ގާނޫނުގެ ހުކުމް) ގެ ވާހަކަ އެވެ. މިއީ އިސްލާމީ ޝަރީޢަތް އޮއްބާލާއި ނެތިކޮށް ލުމަށް، ބޭނުންކުރާ އިސްޠިލާޙެކެވެ. އިސްލާމީ ޝަރީޢަތް ވަޅުޖައްސާލުމަށް ގެންގުޅޭ ބަހެކެވެ. މިއިސްޠިލާޙު އެންމެ ފުރަތަމަ ބޭނުންކުރަންފެށީ، ޞަހުޔޫނީ ޔަހޫދީންނެވެ.

ފަހެ، އަޅުގަނޑުމެންނަށް ހާމަވެ ފެނިގެންމިދަނީ، ހުޅަނގުގެ ޤައުމުތަކުންނާއި، ޚާއްޞަކޮށް ކްރިސްޗިއަން ދީން، ފަތުރާ ފަރަންޖީ ޖަމާޢަތްތަކުގެ ނުފޫޒާއި އެހީއާއި ފައިސާގެބާރު، ދިވެހީންގެ ތެރޭގައި ފޮރުވިގެން ތިއްބެވި، އިސްލާމްދީނުގެ ޢަދުއްވުންނަށް ސީދާކޮށާއި ނުސީދާކޮށް ފޯރުކޮށްގެން، އެކިބޭނުންތައް ފުއްދަމުން ގެންދާތަނެވެ. އެމީހެއްގެ އަމިއްލަ ޒަމީރަށް ފެންނަ ހިތުހުރިހާ ދީނަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން މިޤައުމުގެ ދުސްތޫރުން، ދިވެހިންގެ މައްޗަށް، ޤައިމު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ގެންދާތަނެވެ. މިމަންޒަރު ވަނީ، ބޮޑުމަޖިލީހުގެ ތަޅުމުން ރީއްޗަށް ފެނިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވެސް ފެނިފައެވެ. ފަހެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ޑޮކްޓަރ ހަސަން ސައީދުގެ މޭސްތިރި ކަމުގައި އެމެރިކާގެ ޕްރޮފިސަރެއް ކަމުގައިވާ ޕޯލް ރޮބިންސަން ގެ އެހީއާއެކު، ހުށަހެޅުނު ގާނޫނުލް ޢުޤޫބާތުގެ ދެލިކޮޕީއަކީ، އޭގެ ލާމަސިލު ހެއްކެކެވެ.

ދެން ފަހެ، ބަލާލުން މުހިންމެވެ! ބޮޑު މަޖިލީހުގެ ތަޅުމަށް ގެނެވުނު، ޑުރާފްޓް ގާނޫނު އަސާސި ތައްޔާރުކުރި، ޑުރާފްޓިންކޮމެޓީގެ މުޤައްރިރު، ތަޅުމުގައި ހަމައިންނެއްޓި ރުޅިއިސްކުރައްވައި މުރަނަވެގެން ދިޔަ މަންޒަރު، ދިވެހީންނަށް ފެނިގެން ހިގައްޖެއެވެ. “ޢަދުލްއިންސާފުގެބާރު” މިބާބު ޑުރާފްޓް ކުރެވިގެން އައިއިރުއޮތީ، ވަރަށްމުރަނަ އޮޅުންސުވާއްޔެއް ހެނެވެ. މުޅިން އޮޅުންބޮޅުން ކޮށެވެ. ބޮޑުމަޖިލީހުގެ 198 ވަނަ (08/11/2007މ.) ޖަލްސާ އާއި، 199 ވަނަ (18/11/2007މ.) ޖަލްސާގެ ވީޑިޔޯ ސީޑީ ހޯއްދަވައިގެން ބައްލަވާށެވެ. އަދި މެންދުރު ފަހުއޮތް 198 ވަނަޖަލްސާ ރިޔާސަތުން ހުއްޓާލައް ވަންޖެހުނު ސަބަބު ހޯއްދަވާށެވެ. ދިރާސާކޮށް ބައްލަވާށެވެ. މިދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ހެދުނުބޭއްވުނު 197 ވަނަ ޖަލްސާއާއެކު ބަރާބަރު، ތިންޖަލްސާ ބޭއްވުނު ދުވަހެކެވެ. މިކަންކަމަކީ ދިރާސާކުރަން ޖެހޭވަރުގެ ބޮޑެތި ކަންތަކެވެ. ދިވެހިންގެ އިސްލާމީ އަގީދާއާ ގުޅިފައިހުރި ކަންތަކެވެ.

ދެން ފަހެ، އެތެރެވަރީގެ ތިންވަނަ ދުނިޔޭގެ ޤައުމުތަކުންނާއި ދިވެހިރާއްޖެއިން، އެކިއެކިސިޔާސީ ފިކުރުގެ، އަދި ސިޔާސީ ޚިޔާލާތުގެ މީހުންކަމަށްބުނެ، ދިވެހިފަސްގަނޑަށް ލާދީނީ، ސެކިއުލަރިޒަމް ކަމުގައިވާ، “ޢިލްމާނިއްޔަތު” ތަޢާރަފުކޮށް ފަތުރަން މަސައްކަތް ކުރާތަން ޤައުމީޓީވީން ނާއި ރޭޑިޔޯއިން އެހެރަދަނީ ފެނި، އިވެމުންނެވެ. ހުޅަގުގެ ބައެއްގައުމު ތަކުން ދިވެހިންނަށް އަމާޒުކޮށް، އިންޑިޔާގައި މަރުކަޒުކޮށްގެން ތިބެ، މިކުޅިވަރު ގެންދަނީ ކުޅެމުންނެވެ. މިހާރުވެސް ބޮޑުމަޖިލީހުގެ ތަޅުމުގައި، ހުޅަގުން ކިޔަވައިގެން ތިއްބެވި މަދުބަޔަކު މިފިކުރު، ދިފާޢުކޮށް ވަކާލާތު ކުރައްވާތަން ފެންނާނެ އެވެ. މިއީ ޙައިރާންވާންވީ ކަމެއްނޫނެވެ. މިފަދަ ފިކުރާއި ޚިޔާލާތުތައް، އިންޕޯޓު ކުރުމުގެ ދޮރު މިރާއްޖެ އަށްވެސް ހުޅުވިފައިވަނީ، ރާއްޖެ މުޅިދުނިޔެއަށް ހުޅުވިގެންދިޔަ ހިސާބުންނެވެ. މިއީ އަންނާނެ އޮއިވަރެކެވެ. ނައެސް ނުދާނެ އޮއިވަރެކެވެ. ރާއްޖެ ޒަމާނީ ތަރައްޤީގެ ހަލުވި ދުވެލީގައި ކުރިއަރަމުން ވަކިބަޔަކު އިންތިހާއަށް މުއްސަނދި ވަމުން ދާލެއް ހަލުއިކަމުން، ރައްޔިތުން އެބަހޭއަރަން ޖެހެއެވެ. ހޭލާއެބަ ތިބެން ޖެހެއެވެ. ވިސްނާއި ފިކުރުކުރަން އެބަޖެހެއެވެ. ދިވެހީންނަކީ ސައްތައިން ސައްތަ އިސްލާމުންނަށް ވާތިއެވެ. އަދި، އަލުގަނޑު މެންގެ އަގީދާއަކީ، ސާފު ޠޯހިރު އެއްޗަކަށް ވާތީއެވެ. މިކަމާ ހަސަދަލައިގެން އުޅޭފަރާތްތައް ބައިވަރު ދުނިޔޭގައި އެބަތިއްބެވެ. އެމީހުންގެ އަމާޒަކީ، ރާއްޖޭގައި މިއޮތްސައްތައިން ސައްތަ މުސްލިމް ވަންތަކަން ފުހެލުމެވެ. އޭރުން ހުރިހާދީނަކަށް ވެސް ރާއްޖޭގައި އަޅުކަން ކުރަންފެށޭނެއެވެ.

ފަހެ، ދަންނާށެވެ! މިހާރު ދިވެހީންނަށް ހުޅުވިފައިއޮތް ބަހުސަކީ، ޖަވާބެއް ހޯދައި ވިސްނައިގަންނަން ވަރަށް ފަސޭހަބަހުސެކެވެ. މިދަންނަވާ، ހުޅަގުގެ އޮއިވަރާއެއް ގޮތަށް ރާއްޖެ ހުޅުވާލުމަށް ދިވެހީންތިބީ ތައްޔާރަށްތޯއެވެ؟ ނުވަތަ ދިވެހީންތިބީ، ﷲ ބާއްވާލެއްވި މާތްވެގެންވާ، ﷲގެ ޝަރީޢަތުގައި ހިފައި، ދިވެހިފަސްގަނޑުގައި، ﷲ ގެޙުކުމްފުޅު ދަމަހައްޓަން ތޯއެވެ؟ ޙަޤީޤަތުގައި މިދެކެވެނީ، މަރަށްމަރުހިފާ ޤިޞާޞްގެ ޙުކުމްތަކާއި ޝަރީޢަތުގައި ހިމެނޭހުރިހާ ޙައްދުތަކެއްގެ ވާހަކައެވެ. މަރަށްމަރު ހިފާވާހަކައެވެ. ފަޑިޔާރުންނަށް އިޖްތިހާދުކުރުމަށް މުޅި އިސްލާމީ ޝަރީއަތާއި ރައްޔިތުންގެ މަޖިލީހުން ހަދާހުރިހާ ޤާނޫނުތަކެއްގެ މައްޗަށް އިޖްތިހާދުކޮށް، ޙުކުމް ކަނޑައެޅުމަށް ހުޅުވިފައި އޮންނަން ވާނެއެވެ. ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑު ވަކާލަތުކޮށް މިދަންނަވަނީ، ތިންލައްކަ ދިވެހީންގެ ތެރެއިން އަދި އަޣްލަބިއްޔަތު، އާދެ! މެޖޯރިޓީއޮތީ، “ރޫލްއޮފްލޯ” (ޤާނޫގެޙުކުމްތައް) އެއްފަރާތް ކޮށް، ﷲ ގެޙުކުމްފުޅު (ޙުކުމުﷲ) އާދެ! އިސްލާމީ ޝަރީއަތުގައި ހިފާގޮތަށެވެ. އަދި، ފަޑިޔާރުންނަށް އެންމެ ފުރިހަމަކޮށް ޢަދުލްއިންސާފު ޤައިމުކުރެވޭނީ، އިސްލާމީ ޝަރީޢަތުންކަން، ސާބިތުކޮށް ދެމުންނެވެ. ފަހެ، އިސްލާމީ ދިވެހިރާއްޖޭގެ ޤާނޫނުތައް ބިނާކުރެވިފައި އޮންނަންޖެހޭނީ، އިސްލާމީ ޝަރީޢަތާއި އިސްލާމްދީނުގެ ޙުކުމްތަކުގެ މައްޗަށާއި ރައްޔިތުންގެ މަޖިލީހުންހަދާ  ޤާނޫނުތަކުގެ މައްޗަށާއި ރާއްޖޭގެ އާދަކާދަތަކާއި އިސްލާމްދީނާ ޚިލާފުނުވާ ގޮތުގެމަތީން  ޢަދާލަތީ އިޚްތިޔާރާއި މިނިވަންކަން ފަޑިޔާރުންނަށާއި ކޯޓުތަކަށް ހުޅުވާލެވިގެން ކުރެވޭ ޝަރީޢަތް ތަކުގެ މައްޗަށެވެ. ހަމައެކަނި ފާސްކޮށްލާ، ގާނޫނުތަކެއްގެ މައްޗަކަށް ދޫކޮށް ލެވިގެނެއް ނުވާނެއެވެ. އިސްލާމީ ޝަރީއަތާއެކު ގާނޫނުތައް ލިޔެވިފައި އޮތުމުން، ފަޑިޔާރުންނަށް، އިންސާފު ވެރި ޙުކުމެއް ނިޔާކަނޑަ އެޅުމަށް ހުރިހާ ދޮރުތައް ހުޅުވި، އިންސާފައި މާގާތަށް ދެވޭނެއެވެ. އަދި އިންސާފު ހޯދުމައި މާބޮޑަށް ކާރިވެވޭނެއެވެ. ފަހެ، މުޅިޢަދާލަތު، ޢަދާލަތީ އިޚްތިޔާރާއެކު، މުސްތަޤިއްލު ވުމަކީ މިއެވެ. އާދެ! މިބަހުސް ކުރެވުނު، ޖަލްސާ ތަކުގެ ވީޑިޔޯސީޑީތައް ހޯއްދަވައިގެން ބައްލަވާށެވެ. ޝައްކެއް ނެތެވެ. ޔައުމިއްޔާތައް ހުންނާނީ އޮޅުވާލާފައެވެ. އުނި އިތުރު ގެނެސްފަ އެވެ. ތަޅުމުގައި އިއްޒަތްތެރި މެމްބަރުން ދައްކަވާ ވާހަކަތަކުގެ އޯޑިޔޯ އާއި ވީޑިޔޯ މަޖިލީހުގެ ސައިޓުގައި އަޕްލޯޑް ނުކޮށްދެނީ، ގަސްދުގައި އެބޭނުމުގަ އެވެ. އެމަގްސަދު ހާސިލުކުރު މަށެވެ. ފަހެ، ދަންނާށެވެ! މަޖިލީހުގެ ތަޅުމުގައި އުފުލޭ ހުރިހާ އަޑަކީ ރައްޔިތުންގެ މިލްކެވެ. އެއަޑުތައް އުނި އިތުރު ކުރުމެއް ނެތި، ރައްޔިތުންނަށް ނުލިބޭ ގޮތަށް ހިފޭއްޓުމަކީ، ކޮށްގެން ވާނެ ކަމެއްނޫނެވެ. މިގޮތަށް މިކަންކުރާނަމަ އެކުރަނީ، ވަރަށްބޮޑު ޖަރީމާއެކެވެ. މިވާހަކަތައް އެތަށް ގޮތަކަށް ރިޔާސަތަށް އަމާޒުކޮށް ބޮޑު މަޖިލީހުގެ ތަޅުމުގައި، އަޅުގަނޑު ވާނީ އުފުލާ، ގޮވާފައެވެ. އެއްގޮތަކަށް ވެސް މަޖިލީހުގެ ސައިޓަށް ވީޑިޔޯތައް އަޕްލޯޑްކޮށް ދޭކަށް އެއްބަހެއް ނުވެއެވެ. ރޭގަނޑުދަންވަރު ޖަލްސާތަކުގެ ރެކޯޑިން ބައެއް ސެންސަރާއެކު ދައްކާގޮތަށް ވެސް މިހެދުނީ، ހަމަކޮންމެ ދިވަހަކު ނިޒާމުގެ ނުކުތާ ނަގައިގެން އަޑުގަދަކޮށް ހަދައި ގެންނެވެ. އެއީވެސް ކޮށްދޭހިތުން ކުރެއްވި ކަމެއްނޫނެވެ.

ފަހެ، ހަމަކަށަވަރުން ދިވެހިޤައުމުގެ ޤާނޫނުތައް ބިނާވެފައި އޮންނަނީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުންހަދާ ޤާނޫނުތަކެއްގެ މައްޗަށް ކަމަށް، އަސާސީގައި ލިޔާނަމަ އެއީ، ހަމަޖެހޭ އިންސާފަކަށް ނުވާނެއެވެ. އެކަންވާނީ ނާޤިޞް އަދި އުނިކަން އެކުލެވޭ އިންސާފަކަށެވެ. ފުރިހަމަ އެއްޗަކަށް ނުބެލޭނެއެވެ. އިސްލާމުންނަށް ޝަރީއަތާނުލާ ގާނޫނުތަކެއް ފުރިހަމައެއް ނުކުރެވޭނެ އެވެ. ﷲ، ބާއްވާލެއްވި ޝަރީޢަތް އެއްލާލާފައި ހަމައެކަނި، ރައްޔިތުންގެ މަޖިލީހުން ހަދާ، އަމިއްލައަށް ޝަރުޢުކުރާ ޝަރީޢަތެއް އޮންނާނީ ފުރިހަމަކޮށެއް ނޫނެވެ. ފަހެ، ރައްޔިތުން މަޖިލީހުން ޝަރީޢަތެއް ޝަރުޢުއެއް ނުކުރެވޭނެއެވެ. އިސްލާމުންގެ ގާތުގައި އެތަޅުމަކީ، ޝަރުއުކުރާ ތަނަކަށް ނުހެދޭނެއެވެ. ހުޅަގުން މިބާރު މަޖިލީހަށް ދެނީ، ދީނާއި އަގީދާ، ގާނޫނުތަކުން މުޅިން، ބޭރު ކޮށްފައި ބޭއްވުމަށެވެ. ފަހެ، އިސްލާމީ ޝަރީޢަތް ވަނީ، މާކުރިން ﷲ ބާއްވާ ލައްވާފައެވެ. ފުރިހަމަކުރައްވާ ފައެވެ. މިހެން މިދަންނަވަނީ، ޤާނޫނުން މަނާނުކުރާ ކޮންމެކަމެއް ހުއްދަކަމަށް އަސާސީގައި ލިޔުމަށްފަހު، ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކެއް ކަމަށް ބެލެވިއްޖެނަމަ، އިސްލާމުންނަށް ހުއްދައޮންނަ އަނބިންގިނަ ކުރުމާއި އިސްލާމުންގެ ތެރެއިން މަރުވާ މައްޔިތާގެ، ވާރިސުންގެޙައްޤު އޮންނަ، ތަރިކަމުދާބެހުމާއި ޢާއިލީ ކަންތައްތަކާއި އިޖްތިމާޢީ މުޢާމަލާތުތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ޒަމާނީ، މިނިވަން ޚިޔާލާ އެއްގޮތަށް އެޙުކުމްތައް، ފާސްކުރާނެތީ އެވެ. ދެންވާނެ ގޮތަކީ، އަސާސީގައި ލިޔެ ގާނޫނަކުން މަނާ ނުކުރާ ހުރިހާކަމެއް ރައްޔިތުން ކުރަންފަށާނީ އެވެ. އެކަމެއް އިސްލާމީ ޝަރީޢަތުގައި މަނަލަސް ގާނޫނަކުންމަނާ ވެފައިނެތިގެން ހުއްދަވާނީއެވެ. ކޯޓުތަކުގައި ގާނޫނުތަކުގައި ލިޔެފައިނެތް ކަމަކަށް ހުކުމް ނުކުރެވޭނީއެވެ. ގަޒީންނަށް އޮންނަ އިޖްތިހާދުކޮށްގެން ހުކުމްކުރުމުގެ ބާރު ގެއްލޭނީއެވެ. އެކަން ހުއްޓޭނީއެވެ. ފަހެ، އަޅުގަނޑުމެންނީ ސައްތައިން ސައްތަ އިސްލާމުންނަށް ވާހިނދު، މިއީ އިސްލާމީ ޝަރީޢަތަށް ނުސީދާކޮށް ގޮންޖެހު މެވެ. ނޭނގިތިބެ، ނުވަތަ އެނގިތިބެގެން ގަސްތުގައި ދީން ދޫކޮށްލަނީއެވެ. ދީންހަލާކުކޮށް ލަނީއެވެ. ފަހެ، އިސްލާމީ ޝަރީޢަތާއި އެއްފެންވަރަށް މުޢާމަލާތާއި ޢިބާދާތާބެހޭ ޤާނޫނުތައް މަޖިލީހުން ތަދުވީނުކޮށް ހެދުމަކީ، އެއްގޮތަކަށް ވެސް ކުޅަދާނަވާނެ ކަންތަކެއް ނޫނެވެ. އަޅުގަނޑަށް އެކަމަކީ، އެއްގޮތަކަށް ވެސް ނުކުރެވޭނެ ކަމެކޭވެސް ދަންނަވަން ކެރިދާނެއެވެ. ހަމަޤައިމުވެސް މިހާތަނަށް ވަނީ، ނުކުޅެދިފައެވެ. ތަރިކައާބެހޭ ހުރިހާ ގާނޫނެއް ލިޔާނީ ކިހިނެއްތޯއެވެ. އަދިވެސް އެހެންހުރިހާ ދީނީކަންތަކަށް ގާނޫނުތައް ލިޔާނީ ކިހިނަކުންތޯއެވެ. އިސްލާމުންގެ ރީތިނަން ލިބިތިބެ، އެނަމަށް ހުތުރު އެރުވުމުގެ ގޮތުން، މުސްތަޙީލު، ނުކުރެވޭނެހާ ކަންތައް ކުރަންއުޅުމަކީ، ހުޅަނގުގެ ބާރުތައް ރުއްސަންކުރެވޭ މަސައްކަތްތަކެއް ކަންކަށަވަރެވެ. ދީނުގައި އޮންނަ ޤިޞާޞް ނައްތާލަންވެގެން ކެޕިޓަލް ޕަނިޝްމަންޓޭ ކިޔައިގެން ވާހަކަތަކެއް ގޮވައިފިއެވެ. އިޢުތިރާފާއި ހެކިބަސް ދުއްވާލަން ވެގެން ހަނުހުރުމޭ ކިޔައިގެން ވާހަކަތަކެއް ގޮވައިފިއެވެ. މިހުރިހާ ވާހަކަތަކެއް މިނަގަނީ، މާލޭގެ އިއްޒަތްތެރި މެންބަރ އަދި ޑްރާފްޓިން ކޮމެޓީގެ މުގައްރިރު އިބްރާހީމް އިސްމާޢީލް (އިބުރާ) އެވެ. މިހުރިހާ މަސައްކަތެއް މިކުރެވެނީ ލާދީނިއްޔަތު އަސާސީއަށް ވެއްދުމަށެވެ. ފަހެ، މިކަމާހެދި މަތީގައި މިދެންނެވި ޖަލްސާތަކުގައި އިބުރާއާ އަރާރުންވާން ޖެހުނެވެ. އަޅުގަނޑު ދޫނުދީ ހިފޭއްޓީ ދިވެހިންގެ ދީނަށްޓަކައެވެ. ފަހެ، ދިވެހީންގެ ގާނޫނު އަސާސީއަކީ، ބޭރުމީހުންނަށް އަލިކޮށްދޭ ދަންމަރެއްގެ ސިފައިގައި ދެއްކުމުން، ދިވެހިރައްޔިތުންގެ ދިވެހިއްޔަތަށް ކުރާނެ ފައިދާއެއް އެބައޮތްތޯއެވެ! ޚުދުމުޚްތާރު، ބަގުޑިބައްދާ ވެރިއެއްގެ ކިބައިން ޤައުމު ސަލާމާތް ކުރުމުގެ ނަމުގައި، ދިވެހި ޤައުމަށް ސެކިއުލަރިޒަމް (ލާދީނީ ޢިލްމާނިއްޔަތު) ގެންނާކަށް ނުޖެހެއެވެ. ރާއްޖޭގައި މިވަޤުތުއެންމެ ވަރުގަދަކޮށް ތިއްބެވި އިދިކޮޅުޕާޓީ ތަކުގެ، ވެރިންނަށް މޮޔަފުޅު ނުވުމަށް ގޮވާލާ، ދަންނަވަމެވެ! ދިވެހީންގެ ދުސްތޫރުން އިސްލާމީ ޢަޤީދާ ބޭރުކުރާކަށް ނުޖެހެއެވެ. ޢަދާލަތުގެ މިނިވަންކަމުގެ ތެރެއިން، އިސްލާމީ ޝަރީޢަތް ބޭރުކުރާކަށް ނުޖެހެއެވެ. ބިދޭސީ އެކިއެކި ޖަމާއަތްތަކާ ގުޅޭކަށް ނުޖެހެއެވެ. ގާނޫނު އަސާސީ އުފެއްދުމަށް ބޭރުގެ ލާދީނީ މާހިރުން ގެންނާކަށް ނުޖެހެއެވެ. އެމީހުންނާ އެކުގައި ސަގާފަތް ދިރުވަން މަސައްކަތް ކުރުމަށް، ސޮައި ކުރާކަށް ނުޖެހެއެވެ. ސަގާފަތް ވައްދަނީ އޮޅުވާލުމުގެ ބޭނުމުގައެވެ. ފަހެ، ދަންނާށެވެ! މަދީނާ މުނައްވަރާ ގައި، ފުރަތަމަ އުފެދުނު އިސްލާމީ ސަރުކާރުގައި، ޢަދާލަތުއޮތީ ވަރަށް މިނިވަންކޮށް މުޅިން މުސްތަޤިއްލު ކޮށެވެ. ޒަމާނާގުޅޫ، މަދަނީ ތަހުޒީބާ އެކުގައެވެ. ފުރިހަމަ މަދަނިއްޔަތާ އެކުގައެވެ. މުޅިން ވަކިން އޮތް އިދާރީ ބާރެއްގެ ގޮތުގައެވެ. ފަތަޙަ ކުރެވެމުންދިޔަ ރަށްތަކުގައި ޢައްޔަން ކުރެވޭ ފަޑިޔާރުން ނިޔާކަނޑައަޅުއްވާ ކޮންމެފަހަރަކު، އަމީރުލް މުއުމިނީން، ކީރިތި ރަސޫލާއަށް ސިޓީފުޅެއް ލިޔުއްވައިގެން ޙުކުމްހޯދާކަށް ނުޖެހެއެވެ. ފަޑިޔާރުންނަށް އޮތީ، އިސްލާމީ ޝަރީޢަތް މުސްތަޤިއްލު ކޮށް ދޫކޮށް ލެވިފައެވެ. އަމިއްލަފުޅު ވިސްނުމަށް އިޖްތިހާދު ކުރައްވައިގެން ހުކުމްތައް ހޯއްދަވަންވީއެވެ. ޤުރުއާނާއި ސުންނަތާއި ޤިޔާސް ކުރުމުގެ މައްޗަށް، އިޖްތިހާދު ކުރަންވީއެވެ. ވެރިމީހާއާ ކޮންމެފަހަރަކު މަޝަވަރާ ކުރާކަށް ނުޖެހެއެވެ. ޢަދާލަތުގެބާރު އިސްލާމީ ޝަރީޢަތާއެކު، މުސްތަޤިއްލު ވުމަކީ، ދީނީގޮތުން އަރާރުން އޮތްކަމެއް ނޫނެވެ. އާދެ! އަޅުގަނޑު ދުޢާދަންނަވަމެވެ. އޭ!  ﷲ އެވެ! އަޅަމެން ދިވެހީންނަށް ދުސްތޫރު ކަނޑައަޅާއި އެކުލަވާލުމުގައި ޙައްޤުގޮތަށް ވާސިލުވުމަށް، ތެދުމަގު ދައްކަވާށިއެވެ! ހައްގުނޫން ގޮތްތައް ބާތިލްކުރައްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page