top of page

ލޯބިވާ ދިވެހި ރައްޔިތުންނެވެ! ހޭއަރާށެވެ!

  • Writer: ilyashusein
    ilyashusein
  • Oct 13, 2009
  • 10 min read

އިލްޔާސް ޙުސައިން އިބްރާހީމް.  (ލިޔުނީ: 2007 ސެޕްޓެންބަރ ގައި)

އޭ! އަހަރެންގެ ލޯބިވާދިވެހި ޤައުމުގެ، ލޮބުވެތި ރައްޔިތުންނެވެ! ހޭއަރާށެވެ! މިދުވަސްވަރު އަހަރުމެންނައި ދިމާވެފައިވާ ފައްތަރަކީ، ހަމަޖެހޭ ވެރިކަމުގެ ނިޒާމެއްނެތި ޚުދުމުޚްތާރު، އިސްތިބްދާދީ ވެރިޔަކު، ވެރިކަމުގައި، ބަގުޑިބައްދައި ވަކިތައް ހިތްޕާލައިގެން ހުންނަކޮންމެ ޤައުމެއްގައި ދިމާނުވެ، ނުދާނޭ މަރްޙަލާއެކެވެ. މިއީ ޒިންމާދާރު މަޤާމުތައް ދައުރުވާ ގޮތަށް އޮނިގަނޑު ހަމަޖެހިފައި ނޯންނަ ޤައުމުތަކުގައި އަންނާނެ ފައްތަރެކެވެ. މިފައްތަރަކީ، އިންތިޤާލީ ފައްތަރެވެ. ބަދަލުވުމުގެ ދުވަސްވަރެވެ. މިފަދަ އިސްތިބްދާދީ ވެރިންގެ ކިބައިން، ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ލިބިގަތުމަށް، ޖިހާދުކުރާނެ ޖަމާޢަތްތައް އަބަދުވެސް އުފެދޭނެއެވެ. އެއްބަޔަކަށް ފަހު، އަނެއް ބަޔަކު ނުކުންނާނެއެވެ. މިހާރުގެ ޒަމާނީ ބަހުރުވައިންނަމަ، އެމީހުންނަކީ ޤާނޫނުގެ ޙުކުމްތައް ތަންފީޒުކޮށް ދެމެހެއްޓުމަށް ޓަކައި ރިފޯމަށް ގޮވާލާމީހުންނެވެ. އިޞްލާޙަށް މަސައްކަތް ކުރުމަށް ފައުޅުގައި ނުކުންނަ ރިފޯމިސްޓުންނެވެ. މުޞްލިޙުންގެ ޖަމާޢަތްތަކެވެ. މުޖާހިދުން ނެވެ. ފުރިހަމަ މަޝްވަރާ އެކުލެވޭ ޑިމޮކްރެސީއަށް ގޮވާލާ ސިޔާސީޕާޓީ ތަކެވެ. އަދި ސިޔާސީ ޖަމާޢަތްތަކެވެ. މިޕާޓީތަކުގެ ތެރެއިން ރައްޔިތުންނަށްޓަކައި ނިޔަތާއި މަޤްޞަދުގެ އިޚްލާޞްތެރިންނަކީ، ކޮންބައެއްތޯ ބަލާނިންމުމަކީ، ލޮބުވެތި ރައްޔިތުންގެ އެންމެ އިސްވާޖިބެވެ. ނިދާފައި ނުތިބެ، ދިރާސާތައްކޮށް ހުށަހަޅަންޖެހޭ ސުވާލުތަކެއް ކުރިމަތިކޮށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ. ޙަޤީޤީ ސިޔާސީ ލީޑަރުންނަކީ ކޮބައިކަން، ފުރާނާލައި ދެނެގަންނަން ޖެހޭނެއެވެ. އަދި އެފަދަ ލީޑަރުން ދެނެގަނެ، އެމީހުންގެ ފަހަތަށްޖެހި، ރައްޔިތުންގެ ސިޔާސީބާރު އެމީހުން ނާއެކު، ހިއްސާކުރަން ޖެހޭނެއެވެ. ހޭއަރާ ތިބުމަކީ މިއެވެ. ސިޔާސީކަންކަމާ މެދު އަޅާނުލައި ކަންނެތްކަމުގެ ނިދީގައި ތިބެގެންވާކަށް ނެތެވެ. ނިދީގެ ތަންމަތިން ތެދުވެ މޯޅިއަކަށް ދެމިލައި ތެދުވާށެވެ. މުރާލިވާން ޖެހިއްޖެއެވެ. ސިޔާސީ ޙަރަކާތްތަކުގައި އިސްނަގަން ޖެހިއްޖެއެވެ. މަޑުންތިބެގެން ވާކަށްނެތެވެ. ތިމާއާއި ތިމާގެ ޢާއިލާއާއި ތިމާގެ ވަށައިގެންވާ ތިމާގެއިޖްތިމާޢީ ޚިދުމަތް ތަކާއި މުޖްތަމަޢުގެ ސަލާމަތްތެރިކަމަކީ، ކޮންމެހެންވެސް ލިބެންޖެހޭ އަސާސީ ޙައްޤެއްކަމުގައި ޤަބޫލުކުރަން ވެއްޖެއެވެ. ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންގެ އަތްމައްޗަށް ފުރިހަމަ ބާރެއްގެ ގޮތުގައި ލިބިގަންނަން ވެއްޖެއެވެ. ޤައުމު ޤައުމުގެ ލޮބުވެތި ދަރީންނަށް އަބުރާލިބެން ވެއްޖެއެވެ. އިންތިޤާލީ ރޫޙުއާލާވެފައި އޮތް، މިދަނޑިވަޅުގެ ފުރިހަމަ ބޭނުން ހިފަން ވެއްޖެއެވެ. ހޭއަރައި ހޭވެރިކަމުގެ ތެރެއަށް ނުކުންނަން ވެއްޖެއެވެ. ފަރުދީ ޙައްޤުތައް ލިބިގަންނަން ވެއްޖެއެވެ. ރައްޔިތުންގެ ނަމުގައި ސަރުކާރުން ހިންގާޤައުމީ ވިޔަފާރިތައް މަދުކޮށް، އަމިއްލަ މީހުންނަށް ހުރިހާ ވައްތަރެއްގެ ވިޔަފާރިއެއް މިނިވަންކަމާއެކު، ހުޅުވާލަން ވެއްޖެއެވެ. ވަކިބަޔަކު ކުރިޔަށް ނެރުމުގެ ޖާހިލީގޮތްގަނޑު ހުއްޓާލަން ވެއްޖެއެވެ. މިހާރު އެސްޓީއޯއޭ މިކިޔާ ވިޔަފާރިއަކީ، ރައީސްނާޞިރުގެ ވެރިކަމުގައި ފެއްޓެވި ރައްޔިތުންގެ ޤައުމީ ވިޔަފާރިއެކެވެ. އެކިނަންނަމުގައި މިއަދާހަމައަށް، ދެމިގެން އައިސްފައި ވަނީއެވެ. އަޅުގަނޑުގެ މުރާދަކީ، ޙައްޤުތައް ލިބިދިނުމުގައި ވަކިބައެއްގެ ތަފާތުކުރުންތައް ނައްތާލައި އެންމެންގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަން ހަމަހަމަވާގޮތައް ވިޔަފާރި، އިތުރުކުރަން ވެއްޖެވާހަކަ އެވެ. ސަރުކާރުން ވަކިބަޔަކު މުއްސަނދިކުރުން ހުއްޓާލަންވެއްޖެ ވާހަކައެވެ. ވަކި ބައެއްގެ އަތްމަތިން ވިޔަފާރި މިނިވަންވެ އެންމެންނަށް ހުޅުވާލެވެން ވެއްޖެއެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ހޭއަރާށެވެ! ޤާނޫނީހަމަތަކުގެ މަތިން ރައްޔިތުންގެ ބާރުތައް އަނބުރާހޯދުމަށް ޙާޞިލުކުރަންޖެހޭ މަޤްޞަދުތައް ލިބިގަތުމަށް ބޭނުންވާ ހަކަތަކަމުގައިވާ، ސިޔާސީބާރު ހޯދުމަށެވެ. ރައްކާތެރިކަމާއި މިނިވަންކަމާއެކު، ޞުލްޙައާއި ތަނަވަސްކަން އޮތް ވެއްޓެއްގައި ދިރިއުޅޭ މުޖްތަމަޢަކަށް ހެދުމަށެވެ. އިސްލާމްދީނާއި އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް، ދިވެހީންގެ ތަރިކައާއި މާޙައުލު ރައްކާތެރި ކުރުމަށެވެ. ދީނާއި ރޫޙާނިއްޔަތު ވަރުގަދަ ކުރުމަށެވެ. ރައްޔިތުންގެބާރު ސިޔާސީބާރެއްގެ ގޮތުގައި މުސްތަޤިއްލުކޮށް އޮތުމަށެވެ. އެމީހެއްގެ ފުރިހަމަ ޙައްޤު އެމީހަކަށް ހޯދައިދޭނެ ޢަދުލް އިންޞާފުގެ މުސްތަޤިއްލު ނިޒާމެއް ޤައިމުކުރުމަށެވެ. އާދެ! ޚުދުމުޚްތާރު، މުސްތަބިއްދު ވެރިން އުފައްދައި ދަމަހައްޓަނީވެސް ރައްޔިތުންނެވެ. ރައްޔިތުންގެ ތެރެއިން ޝަޚްޞީފައިދާ ތަކެއްލިބޭ ބަޔަކު ޑިކްޓޭޓަރުން ހިމާޔަތްކޮށް، ވެރިކަމުގެ ބާރުގައި ޢުމުރަށް ދަމަހައްޓައި ދޭނެއެވެ. ވެރިކަމުގައި ބަގުޑިބެއްދުމަށް ހުރިހާކަމެއް ފަހިކޮށްދޭނެއެވެ. އެމީހުންނަށް ލިބޭ ނާޖާއިޒު ފައިދާތައް އުމުރަށް ލިބިލިބި ތިބުމްށެވެ. މިއީ “ބަގުޑިކުރަސީ” އެވެ. ރާއްޖޭން މިފެންނަވައްތަރުގެ އަމިއްލަ އެދުންގަދަ، ޑިކްޓޭޓަރުންނަށް ކިޔަންއެންމެ ރަނގަޅުނަމަކީ، “ބަގުޑި” އެވެ. މިކަމަށް “ބަގުޑިޒަމް” ކިޔަމާ ހިންގަވާށެވެ. ރައީސްމައުމޫނުގެ ބަގުޑިޒަމާބެހޭ ގޮތުން ދިރާސާހަދާނެ ޢިލްމީކިޔަވާކުދިން ފެނިގެންދާނެކަން ކަށަވަރެވެ. މިބަހަކީ، އަލަށް އަލުގަނޑު ތައާރަފު ކުރި، ރައީސް މައުމޫނު މި ހިންގަވާ ޚުދުމުޚްތާރު ވެރިކަމުގެ ވަށްތަރަށް ކިޔަން އެންމެ އައުލާ ކަންބޮޑު ނަމެވެ.

އާދެ! އުންމަތްތަކަށް، އިޞްލާޙާއި ރިފޯމުގެ ފައްތަރަކީ، ދުނިޔޭގައި އިންސާނުން ދިރިއުޅޭން ފެށީއްސުރެ އިޢާދަ ވަމުން އަންނަ ވަރުގަދަ، ސިޔާސީ އޮއިވަރެކެވެ. މިއީ މަދުވެގެން، ކޮންމެ ވިހިއަހަރަކުން އުތުރިއަރާ، ވަރުގަދަކޮށް ހިނގާނެ ސިޔާސީ ޙަރަކާތެކެވެ. މިއިންކޮންމެ ޙަރަކާތެއް ރައްޔިތުންގެ ބާރާއެކު، ކާމިޔާބު ކޮށްފައިވަނީ، އެޙަރަކާތެއް ލީޑުކޮށްދޭން ތިބޭބައެއްގެ ނިޔަތާއި މަޤްޞަދުގައި އެކުލެވޭ އިޚްލާޞްތެރި ކަމެއްގެ މައްޗަށް ބިނާ ކުރެވިގެންނެވެ. ނިޔަތާއި މަޤްޞަދުގައި އިޚްލާޞްތެރިކަން ނެތްބަޔަކަށް، ރައްޔިތުންގެ ސިޔާސިބާރަކަށް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް، ރައްދުކޮށެއް ނުދެވޭނެއެވެ. ދިވެހި ރާއްޖޭގައި މިދުވަސްވަރު ތަޖުރިބާ ކުރެވެމުން މިދަނީ، ސިޔާސީބާރު ހޯދުމަށް ޤާނޫނީހަމަތަކުގެ މަތީންކުރެވޭ ބުރަމަސައްކަތް ތަކެކެވެ. އިސްތިބުދާދީ ވެރިއެއްގެ ގޮށްމުށުގެ ބާރުތައް ނައްތާލައި ރައްޔިތުންގެ ބާރެއްގެ ގޮތުގައި ޤައުމުގެ ސިޔާދަތު ދެމެހެއްޓުމަށް ކުރެވޭ އަގުހުރި މަސައްކަތެވެ. މިފައްތަރަކީ، ރައްޔިތުންގެ ބާރު، އުފައްދާއި ނެރެދައްކަންވީ ދުވަސްވަރެވެ. ނިޔަތާއި މަޤްޞަދު ރަނގަޅު ލީޑަރުން ދެނެގަނެ، ދަސްކުރަން އޮތް ރަނުގެ ފުރުޞަތެކެވެ. މިފަދަ ފުރުޞަތުގެ ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޤައުމުގައި އުފެދިއަރާ، ސިޔާސީއޮއިވަރު ތަކުގެބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭނެއެވެ.

އާދެ! ރައްޔިތުންގެ ސިޔާސީބާރު ހޯދުމަށް މިކުރެވޭ މުޤައްދަސް ޖިހާދުގައި، ރައްޔިތުން ނިދާފައި ތިބެއްޖެނަމަ، އަނެއްކާވެސް ދުވަސްތަކަކަށް އިޞްލާޙާއި ރިފޯމުގެ މަސައްކަތް ފަހަތަށް ޖެހިދާނެއެވެ. ދިވެހި އުދަރެހުން ފެންނަމުންމިދާ އިންތިޤާލީފައްތަރު (ބޮޑުބަދަލު) ކާމިޔާބު ވުމެއްނެތި، އަތުންބީވެގެން ދިޔަނުދިނުމަށް ކުރެވެންއޮތް އެންމެ މުހިންމު މަސައްކަތަކީ، ރައްޔިތުން ހޭލުންތެރި ވުމެވެ. އަދި، ރައްޔިތުން ހޭއަރައިތިބުމެވެ. ޣާފިލުކަމުގެ ތަންމަތިން ތެދުވުމެވެ. ސިޔާސީއޮއިވަރު އާލާވާގޮތަށް ދެމެހެއްޓުމެވެ. ބަލިކަށިވިޔަ ނުދިނުމެވެ. ހީނަރުކަމެއް އަޔަނުދީ ތާޒާކުރުމެވެ. އެހެނަސް ބަލަބަލާތިއްބާ ފެންނަމުން މިދަނީ، ސިޔާސީބާރެއްގެ ގޮތުގައި އުފެދުނު، އަދި ރައީސް މައުމޫނަށް ބިރަކަށް ވެގެންދިޔަ، ރާއްޖޭގެ އިޞްލާޙީޙަރަކާތް ބައިބައިވެ ފޮތިފޮތި ވެގެންދިޔަ ހިތާމަވެރި، މަންޒަރެވެ. ހީނަރުވެ ގިނަޖަމާޢަތް ތަކަކަށް ބެހިގެންދިޔަ މަންޒަރެވެ. މިކަމުގެ ސިއްރު ތައް ހޯދައި ރައްޔިތުން ހޭލުންތެރިކޮށް ހޭއެރުވުމަކީ، ލިޔުންތެރީންގެ އެންމެއިސް ވާޖިބުކަމުގައި އަޅުގަނޑުދެކެމެވެ. ރަނާއި ރިހީގެ ދުލާއި ޤަލަންތަކުގެ އަހުލުވެރީންގެ ދައުރުވަނީ، ފަނޑުވެފައެވެ. ކުލީދޫތަކަކަށް ބަދަލު ވެފައެވެ. ކުލީ ޤަލަންތަކަކަށް ވެފައެވެ. މައި ތިންނޫސް ކަމުގައިވާ ހަވީރާއި އާފަތިހާއި މިއަދަކީ، ވެރިކަންކުރާފަރާތުގެ ދެއްޔެވެ. ތެދުމަގަށް ވާސިލުކޮށްދޭ ދިރާސާ ލިޔުންތައް ފެނުމުގެ ބަދަލުގައި ޒާތީޙަސަދަ ވެރިކަން ރަމްޒުކޮށްދޭ ލިޔުންތައް ގިނައެވެ. ވަޤުތީ ޖަޒްބާތަށް އަމާޒުކޮށް، ހުޝިޔާރުވުމަށް ގޮވާލައި އަދަބީގޮތުން ހުތުރު ބަހުރުވައިގެ ބަސްމަގަށް ފަހިވެފައި ހުންނަ ލިޔުންތައް މަދެއްނޫނެވެ. އަދި، ވަކިމީހަކަށް ސަނާކިޔުމުގެ ލިޔުންތައްވެސް މަދެއްނޫނެވެ. މިސާލަކަށް މިދުވަސްވަރު ހަވީރުނޫހުން ކުޅެމުންގެންދާ ރޯލަށް ބައްލަވާލައްވާށެވެ. އެތައްމަސައްކަތަކުން ޓީވީއާއި ރޭޑިޔޯއިން ދުރަށް ފޮނުވަންފެށި ދެމަޖިލީހުގެ ބަހުސްތައް ދުރަށްފޮނުވައި ދެއްކުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން އެތައްބަހަނާތަކެއް ދައްކައި ރައްޔިތުންނަށް އޮޅޭގޮތައް ލިޔަމުން އެބަގެންދެއެވެ. ލިޔުންތެރިކަމަކީ، ޙަޤީޤީއަމާޒަށް ވާސިލުވުމަށް ހުޅުވާލެވޭ ދޮރާއްޓަކަށް ނުވެއެވެ. ޙަޤީޤަތް ހާމަކޮށްދޭ ސީދާމަގަކަށް ނުވެއެވެ. ފަހެ، ސިޔާސީ ބާރަކަށްވެވޭނީ، ތެދުވެރިވެވިގެންނެވެ. ރޫޙާނިއްޔަތު އިތުރުވެ، ތާޒާކަންލިބި، ޙައްޤަށް ނަޞްރުދެއްވާނީ އެރުންނެވެ. މިކަމަށްއޮތް ފުރިހަމަ ޙައްލަކީ، ﷲ ހަނދުމަކޮށް، އިޚްލާޞްތެރި ވުމެވެ. މިނިޔަތުގައި ލިޔުންތެރިން ޒިންމާދާރުވެ، ރައްޔިތުން ހޭލުންތެރި ކުރުވަން ފަށާށެވެ. އޭރުން ސީދާމަގަށް އަރާނެ ޢިލްމީ، އަދި ސިޔާސީމުފައްކިރުން ނުކުމެ މައިދާނުގައި ފެންނަން ތިބޭނެކަން ކަށަވަރެވެ. އަދި ރައްޔިތުން އެއިންމީހަކު، ޚިޔާރުކޮށް އެމީހެއްގެ ފަހަތަށްޖެހިލާނެ، ނިޔަތާއިމަޤްޞަދު އިޚްލާޞްތެރި، ތެދުމަގަށް އަރަންކެރޭ ކުޅަދާނަލީޑަރުން ސިޔާސީމައިދާނުން ފެންނާނެއެވެ. ޙަޤީޤީލީޑަރުން ފެނުމުން ވަކި، އަތަކަށްޖެހިލާނެ މީހުންވާނެއެވެ. އޭރުންކުޅިބަލާކަށް ނުތިބޭނެއެވެ. އިޞްލާޙަށް ފެންބޮވާފައިތިބި ރައްޔިތުން އެމީހަކު ބަލައިގަންނާނެއެވެ. ފަހެ، ތިމާއާއެކުގައިވާނެ، އަދި ތިމާއަށް ތަބާވާނެބަޔަކު ވާނެއެވެ. އެއްބައެއް ވަންތަކަން ފެނިގެންދާނެއެވެ. ޕާޓީރޫޙުއާލާ ވާނެއެވެ. ފަހެ، ތިމާގެ ފަހަތަށް ޖެހިލާނެ ޢަޞަބިއްޔަތެއްނެތި ލީޑަރަކަށް ނުވާނެއެވެ. ފަހަތުގައި ޢަޞަބިއްޔަތެއްނެތް ލީޑަރަކީ، ހިޔަންޏެކެވެ. ނެތްފަދަ އެއްޗެކެވެ. ހުސްއެއްޗެކެވެ.

ރައީސް މައުމޫނުގެ ރިޔާސީ ފުރަތަމަ ދައުރު ނިމުމާއެކުގައިހެން، މިހާރު މިފެންނަމުންދާ އިޞްލާޙީޙަރަކާތް ފެށިއްޖެއެވެ. ވެރިކަމުގައި ބަގުޑިބައްދައިގެން ތިއްބެވީ މިޞްރުގެ ގުރެޖުއޭޓުންނެވެ.  ޢައްލާމާއިންނެވެ. ޢިލްމުވެރީންނެވެ. ވެރިކަމަށް އެރީ، ލީބިޔާއިން އެތެރެކުރި ފިސްތޯލަތަކެއްގެ އެހީހޯދައި ގެންނެވެ. ވަޒަނާއެކު ފިސްތޯލަ ބޭނުންކޮށް ގެންނެވެ. އިންޑިޔާއާއި ޕާކިސްތާނުން ފެށުނު ސަޢޫދީޓީމު ވަނީ، ރައީސްމައުމޫނުގެ ބަގުޑިސަރުކާރުން އެޅުއްވި ހަރުކަށި ފިޔަވަޅުތަކަކުން ވިއްސިވިހާލި ވެފައެވެ. އެއްގަލަކަށް ނޭރިފައެވެ. އަޅުގަނޑަކީ، އެފޭލިގޭގެ ދަރިވަރެކެވެ. މިފޭލިގޭން ހިންގުނު ޙަރަކާތްތަކަކީވެސް މުހިންމު ދައުރެއްވާ ވަރަށް އުސްއަލިތަކެކެވެ. ވަރަށް ރީތިކޮށް، ވަރަށް ރަނގަޅަށް ސަޢޫދި ސަރުކާރަށް، މިސްރުޓީމުން ރާއްޖެ ފަތަހަކުރިގޮތް ވާނީ ތައާރަފުކޮށް، ކިޔައިދެވިފަ އެވެ. ސަޢުދީސަރުކާރުން ގުޅުންކަނޑާލީ އެހެންވެއެވެ. މައުމޫނާއި ފަތުހުﷲ އާއި ޒާހިރުހުސައިނުގެ ފަތިފުށްތައް ވަރަށް ރަނގަޅަށް ސަޢުދީސަރުކާރަށް، ތަފްސީލާއެކު އަޅުގަނޑުމެން ޓީމުން އޮޅުންފިލުވައި ދިނީމެވެ. ރައީސް މައުމޫނު ހީކުރެއްވީ، ޝައިޚް ހުސައިން ޔޫސުފުމެން ކުރެއްވި ކަމެއްކަމަށެވެ. މިކަން އަޅުގަނޑުމެން ހިންގީ ސިއްކަގޭ މުހަންމަދު ނަސީމް (ހ.ސުނާރު) އެދުރަކަށް ބަހައްޓައި ގެންނެވެ. އާދެ! އޭރު އަޅުގަނޑުމެންގެ އެދުރަކީ، ނަސީމްބެއެވެ. ފަހެ، އިޞްލާޙީ ޙަރަކާތުގެ ފެށުން ރައްދުވަނީ، ބޭރޫތު ޔުނިވަރސިޓީގެ ގުރެޖުއޭޓުންނަށެވެ. އެމީހުންގެ ތެރޭގައި ދިވެހިޖައްވަށް ވިދާލި ކުޅަދާނަ ދަރިންތަކެއް ތިއްބެވިއެވެ. ސިޔާސީއެދުރުން ތިއްބެވެ. އެމީހުންގެ ތެރެއިން އެންމެފުންނާބު އުސްދަރިވަރު ކަމުގައިވެގެން ދިޔައީ، ދިވެހިރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ހާޞިލުކުރެއްވި ކުޅަދާނަ، ޢިލްމީބޭފުޅާއެވެ. އަދި ޓީވީމޯލްޑިވްސް އަށްފާޑު ވިދާޅުވެ ހަވީރުނޫހުގައި މަޒްމޫނެއް ލިޔުއްވައިގެން މިދައުރުގައި އެންމެ ފުރަތަމަ ފަހަރަށް ގެއަށް ފޮނުވާލެވުނު ސިޔާސީ ލީޑަރަކީވެސް އޭނާއެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމުގެ މިހާކުރީކޮޅު، އިސްލާހީ ހަރަކާތް އެއްވެސް ބިރެއްނެތި ފެއްޓެވި ޒުވާނާއެވެ. ރައީސް މައުމޫނު އުފެއްދެވި ޚާއްސަ މަޖިލީހުގައި ރިފޯމްގެ މަސައްކަތް ވަރަށް ކެރިގެން ކުރެއްވިއެވެ. ފަހެ، އިހާނެތިގޮތްތަކެއް ރައީސްއޮފީހުން، ރައީސް މައުމޫނު، އޭނާއަށް ހަދާލީ އެހެންވެއެވެ. ސަރުކާރުންދޭ އަދަބެއްގެ ގޮތުގައެވެ. ފަހެ، އެ ޝަޚުޞިއްޔަތަކީ، ދިވެހިން ދުވަހަކުވެސް ހަދާން ނުނެތޭނެ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކެވެ. އާދެ! އޭނާއަކީ، ޓީވީމޯލްޑިވްސްގެ ފުރަތަމަ އެނައުންސަރެވެ. ރައީސްނާޞިރު އޭނާއަށް އެފުރުސަތު ދެއްވީ، އޭނާގައިން އެފަދަ ކުޅަދާނަ، އުފެއްދުންތެރި ހުނަރުތައް ފެނިގެން، އަމިއްލަފުޅަށެވެ. އެއަށްފަހު، ސަރުކާރުގައި އޭރު ދެވަނަކަމުގައިވާ، ޑިފެންސާއި ޓްރޭޑް މިނިސްޓަރ ކަމުގައިވާ ބާރާއިފައިސާ ބޭނުންހާގޮތަކަށް ބޭނުންހިފުމުގެ ބާރުމިލްކު ކުރައްވައިގެން ހުންނެވި ފަރާތާއެކު، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދެގޮނޑިންކުރެ ގޮނޑިޔަކަށް ވާދަކުރައްވައި، މުޅި މާލޭން އެންމެގިނަވޯޓު މިހާތަނަށް ހޯއްދެވި ޝަރަފުވެރިޔާ އަށް ވުމާއެކު، މާލޭގެ އިސްގޮނޑި އެފަހަރު ކާމިޔާބު ކުރައްވާފައި ވަނީއޭނާއެވެ. ރައްޔިތުންގެ ލޯތްބާއި ރުހުމާ އެކުގައެވެ. މިއީ މިހާތަނަށް، ރިފޯމަށް ދިވެހިން ދިން، އެންމެވަރުގަދަ ހިތްވަރެވެ. އެންމެބޮޑު މަރުހަބާއެވެ. މިފޯރީގައި ރައްޔިތުންގެ މަޖިލިސްތެރޭގަޔާއި ސިޔާސީމަސްރަޙުގައި ރިފޯމްގެ އުޖާލާ، ނަލަނަލަ އަޑުތައް ދިޔައީ އުފުލެމުންނެވެ. ފެތުރެމުން ނެވެ. މިހާރު އަޑުއިވެމުން މިދާހުރިހާ މައުޟޫއެއްގެ މައްޗަށް ބިލްތައް ލިޔެވިމަޖިލީހަށް އެތެރެ ކުރެވުނެވެ. މަޖިލިސްތެރޭގައި އެއްޚިޔާލެއްގެ ކުޑަޖަމާޢަތެއް އެބިލް ތަކުގެ ސަބަބުން އުފެދުނެވެ. ޢަޞަބިއްޔަތެއް އުފެދުނެވެ. ޕާޓީރޫޙެއް އާލާވިއެވެ. ޑޮކްޓަރ ވަހީދާއެކު، ގޯގޯލަޠީފާއި ޖީސަސް އަފީފާއި މޮޑީއާއި ގާސިމް އިބްރާހީމް ވެސް ބައިވެރިވި އެވެ. އެހެނަސް އެބިލްތައް މަރާލީ މަޖިލީހުގެ އޭރުގެ ރިޔާސަތުންނެވެ. އޮނަރަބްލް އަބްދުﷲ ހަމީދުގެ ލާޢިލްމީ، ޖާހިލުކަމުންނެވެ. ގިނަބިލްތައް ތަޅުމުން ބޭރުކޮށްލީ ވަރަށް ޙަޔާތްކުޑަ، ވަހުޝީ ގޮތަކަށެވެ. މިހާރުވެސް މަޖިލީހުގެ ޢަރުޝީފުގައި އެބިލްތައް ހުންނަންޖެހޭނެ އެވެ. ފަހެ، މަޖިލީހަކީ، ވެރިކަމުގެ ފަރާތުން ފުރިހަމައަށް، ބާރުހިންގާތަނަކަށް ވާތީ، ހުރިހާކަމެއް އޮއްބާލީއެވެ. މުޅިއިސްލާޙީ ޙަރަކާތްވެސް އޮއްބާލީއެވެ. ފުނޑުފުނޑު ކޮށްލީއެވެ. ބިމުގެ އަޑިޔަށް ދުއްވާލީއެވެ. އާދެ! އެދުވަސްވަރު ސިޔާސީދަރިވަރުންގެ ގޮތުގައި ތިބީ، މިމަޒްމޫނުގެ އަހުލު ވެރިޔާ ކަމުގައިވާ އަޅުގަނޑާއި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު “އަންނި” އެވެ. އަދިވެސް އަޅުގަނޑުމެންނާ ގުޅުނު ޒުވާން ބައެކެވެ. ފަހެ، އަޅުގަނޑުމެން ނަށް، އެޙަރަކާތުގެ ތެރޭގައި ވަރަށް އިސްކޮށް، ވަރަށް ކެރިގެން އުޅެވުނެވެ. އަދި މިފެށުނު ނިމުމެއް ނެތް، ވަރުގަދަ އިސްލާހީ ހަރަކާތް، ބިމުގެ އަޑީގައި ދިރުވާއި އާލާކުރެވެން ހުރި، ހުރިހާ މަސައްކަތެއް ނުރައްކަލުގެ ކުރިމަތީގައި ހިތްވަރާއެކު، ކުރެވުނެވެ. ފަހަތަށް ޖެހުމެއްނެތިއެވެ. ފާޅުގައި ކުރެވެން ހުރިކަމެއް ބިންމަތީގައި އަޅުގަނޑުމެން ހިންގީމެވެ އަމަލީގޮތުން ކުރީމެވެ. ބިމުއަޑީގައި ކުރެވެން ހުރިކަމެއް ބިމު އަޑީގައި ހިންގުނެވެ. އަޅުގަނޑާއި އަންނިއާއި އެހެން އެތައް އެކުވެރީން ތަކެއް އެތައްފަހަރަކު ދޫނިދޫ ޖަލުގެ ކުޑަގޮޅިތަކަށް ލާބަންދު ކުރިއެވެ. ތަޅުއެޅުވިއެވެ. ޖަލުގެ އަނިޔާތައް އެތައްފަހަރަކު ދެއްކިއެވެ. އަނދަގޮނޑި ޖެހިއެވެ. އަނިޔާވެރި ހުރިހާ ވައްތަރެއްގެ ބިޑިތައް އެޅުވިއެވެ. ދަންވަރު ކުޑަގޮޅިތަކުން ނެރެ ބިރުގަންނވާއި ދަނގަނޑު ބޫޓުންތަޅާ ހެދިއެވެ. ހިކި މިރުސް ދުން އެޅިއެވެ. ނިދީމާ އަކިރިޑަބިޔާ ތެޅުވިއެވެ. ކަނުއަނދިރީގައި ބައިތިއްބައިގެން ގަރުދިޔައާއި ބަޔްކާންދިނެވެ. މަސްހުންނަނީ ނުކަނޑާ ކައްޓާއެކު ބުރިބުރިކޮށް ފައެވެ. މިއީ ވަޙުޝީއަނިޔާ ތަކެއްކަން ކަށަވަރެވެ.

އާދެ! އެދުވަސްވަރު، 1989މ. ވަނައަހަރު ތެރޭގައި މާލޭގެގޮނޑިޔަށް މާލޭގެ ރައްޔިތުން ގެނައިބޮޑު ބަދަލާގުޅިގެން، އެކިގޮތްގޮތަށް ރިފޯމުގެ މަސައްކަތް ތާޒާވެއަލުން އާލާވާން ފެށުނެވެ. މާލޭގެ ރައްޔިތުން މިދެއްކި ސިޔާސީރޫޙަކީ، ބޭރުދުނިޔެއިން ގަބޫލުކުރި ހަރަކާތެކެވެ. ޚާއްޞަކޮށް އެމެރިކާއިން، ބަލައިގަތް މުޅިންއާފެށުމަކަށް ވިއެވެ. މުޅިން އާވަށްތަރަކަށް ފެށުނު، މުޅިން އާވަށްތަރެއްގެ ސިޔާސީ ކެންޕޭނަކަށް ވެގެން ދިޔައެވެ. އެމެރިކާއިން އެކަން ފާހަގަކޮށް ތައުރީފުގެ ސިޓީއެއް ފޮނުވިއެވެ. އަދިވެސް އެސިޓީ ފައިލްކުރެވިފައި އެބައޮތެވެ. އެދުވަސްވަރު އިންޑިޔާއިންވެސް މިހަރަކާތް ބަލައިގަތެވެ. އަޅުގަނޑު 24 ގަޑިއިރަށް ދޫނިދޫޖަލުން ގެއަށް ގެނައި ފަހަރެއްގައި، އިންޑިޔާގެ ޖާސޫސީއިދާރައިގެ މާހިރެއް، އަޅުގަނޑާ، ސިއްރުން ޖަވާހިރުވާދީގެ ގަރާޖުތެރޭގައި ބައްދަލުކުރިއެވެ. އެހެނަސް މިހާރުއެކަންވަނީ ބަދަލުވެފައެވެ. އެފަހަރަކީ، ޒަމާނީ އާވައްތަރަކަށް މާލޭގައި އިންތިޚާބީ ކެންޕޭނެއް ފެށިފުރަތަމަ ފަހަރެވެ. އަދިވެސް ފަނޑުވުމެއްނެތި ދިރިދިރި މާލޭގެ މަގުތަކުގެ ބައެއްފާރުތަކުން، އެފަހަރުގެ އިންތިޚާބީ ނިޝާން ކަމުގައިވާ “ތަންބްސްއަޕް” ފެންނަންއެބަ ހުއްޓެވެ. ސަރުކާރުން އަމުރުނެރެގެން އެނިޝާންތަކުގެ މަތީގައި ވަރަށް ކުލަލެއްވި އެވެ. އެހެނަސް ކުލަލީލީހެން ވެސް އެނިޝާންތަކުގެ އަސަރު ދިޔައި ފާޅުވަމުންނެވެ. މިއަދުވެސް ބައެއް ފާރުތަކުން އަދިވެސް ފަނޑުކޮށް ފެންނަން އެބަހުއްޓެވެ. އެއްގޮޑިޔަކަށް މިހާތަނަށް މުޅިމާލޭގެ އެންމެގިނަ ރައްޔިތުން ވޯޓުލައްވާފައިވަނީ މިދަންނަވާ އިންތިޚާބުގައި އެގޮނޑިއަށެވެ. އޭރުންފެށިގެން މިއަދާ ހަމައަށްވެސް ދެމިގެން މިއަންނަނީ އެހަރަކާތެވެ. އެޚިޔާލާތެވެ. އެއީ އެއްފިކުރެކެވެ. އެއްވިސްނުމެކެވެ. ރޫޙާނީބާރެކެވެ. މިހާރުމާލޭގެ އެއްމެމްބަރު ކަމުގައިވާ، އަމިއްލަފުޅަށް ޕާޓީއެއް އުފައްދަވަން ބުރަ މަސައްކަތްތަކެއް ކުރައްވާ، އަދި އެމްޑީޕީގެ ފުރަތަމަ ރައީސެއްކަމަށް ވެވަޑައިގެންނެވި، އަލްފާޟިލް އިބްރާހީމް އިސްމާޢީލް މިޙަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެލެއްވީ، “އަންނި” މާލޭގެ ގޮޑިޔަށް ނެގުމަށްފެށުނު އިންތިޚާބީ ކެންޕޭނާހަމައިން ނެވެ. އެފަހަރުވެސް އަންނި ކެންޕޭންޖަގަހަ ތެރޭގައި އިބުރާ، އޮނަރަބްލް އިލްޔާސް އިބްރާހީމަށް ހަމްދަރުދީ ބަހައްޓާކަމުގެ ޝައްކުތައް ހިނގައިގެން، އަންނި ކެންޕޭން އޮފީސް ތެރޭގައި އެމައްސަލަ ގަނޑު ހިލުނެވެ. މިވާހަކަތައް މިލިޔަނީ އެދުވަސްވަރު މިޙަރަކާތުގައި އަމަލީގޮތުން ވަރަށް އިސްކޮށް އުޅެމުންއައި މީހެއްގެ ހައިސިއްޔަތުން، މިހާރުގެ ސިޔާސީ ޙަރަކާތް ތެރިންނަށް އެދުވަސްވަރުގެ ޙަޤީޤަތް ހާމަކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ކިޔަވާ ކުދިންނަށް މިހަގީގަތް ހާމަކޮށް ދިނުމަށެވެ. އަދި، އެންމެބޮޑެތި އަނިޔާތައް އެދުވަސްވަރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި މާލީގޮތުން ލިބުނު އެކެއްގެ ހައިސިއްޔަތުން ނެވެ. އަންނިއާ އެކުބަޔަކު ބޭރުގައި އަރުވާލެވިގެން ތިބެ، ބިމު އަޑީގައި ބައިވަރު މަސައްކަތްތަކެއް ކުރެވުނެވެ. އަދި މާލޭގައި ހަމަބިމުގައި އަޅުގަނޑުމެން އެތައް ބަޔަކުވެގެން، ބައިވަރު މަސައްކަތްތަކެއް ކުރިއެވެ. ބައެއްކަންތައް ހިންގީ ބޭރުން އަންނަ، އަންނިމެންގެ އޯޑަރަށެވެ. ދެންފަހެ، ރާއްޖެއާއި ރާއްޖޭންބޭރުގައި ހިނގަމުންދިޔަ ސިޔާސީ ޙަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާޅުގައި ފެނިގެންދިޔައީ، މޯލްޑިވިއަން ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ) ސިޔާސީޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދެއްވަން ރައީސްމައުމޫނު ސަރުކާރަށް މަޖުބޫރުވިތަނެވެ. ރަޖިސްޓްރީ ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުންނެރުއްވި ޤަވާޢިދެއްގެ މަތިންނެވެ. މިކަންތައް ކުރެއްވީ، 2005މ. ވަނައަހަރުގެ ޖޫންމަހު 26 ވީއާދީއްތަ ދުވަހުހަވީރު ނުރަސްމީގަޑީގައި އޮފީސްހުޅުވައި ގެންނެވެ. ރަޖިސްޓްރީ ނަމްބަރަކީ، 2005/01 އެވެ. މިއީރާއްޖޭގައި މިގޮތަށް (މުތަޤައްދިމް ޕާޓީއާޚިލާފަށް) އުފެދުނު ފުރަތަމަ ސިޔާސީޕާޓީއެވެ. އަދި މިއާވިއްދައިގެން ރައީސްމައުމޫނު އޭނާގެ އަމިއްލަޕާޓީ އެއްވެސް އުފެއްދެވީއެވެ. އެޕާޓީގެ ފޮރުވިފައިފާ މައިގަނޑު މަޤްޞަދަކީ، އެމްޑީޕީ ރޫޅާލުމެވެ. ބައިބައި ކޮށް ލުމެވެ. ފަހެ، ޖަމާޢަތެއްގެ ސިފައިގާ މިފެށުނު، ދިވެހިންގެ އިޞްލާޙީޙަރަކާތް ބައިބައިކޮށް ލުމެވެ. އަޅުގަނޑުމެން ހޭއަރާ ސަމާލުވެ ތިބެންވީ ކަމަކީ މިއެވެ.

އާދެ! އެމްޑީޕީ ރަޖިސްޓްރީ ވުމުގެކުރިން އިސްލާހީޙަރަކާތް ގެންދެވިފައިއޮތީ، މިނިވަންކަމަށް ގޮވާލާ، ބިމުގެ އަޑީގައި ފޮރުވިފައިއޮތް ތަޙުރީކެއްގެ ގޮތުގައެވެ. މިނިވަންކަމަށް ގޮވާލާ، މޫވްމެންޓެއްގެ ގޮތުގައެވެ. ހަރަކާތެއްގެ ގޮތުގައެވެ. ޕާޓީރަޖިސްޓްރީވެ ފުރަތަމަ ކޮންގުރެސްއައި ހަމައަށް ވާސިލުވީވެސް ފުރިހަމަ އިންޤިލާބީ ރޫޙެއްގައެވެ. ޙަރަކާތެއްގެ ސިފައިގައެވެ. މަގްސަދަކީ، ރައީސްމައުމޫނު ވެރިކަމުން ބޭލުމެވެ. ރާއްޖޭގައި ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބާއްވައި ދިނުމެވެ. ރައީސް މައުމޫނަށް ފަހު، ރައްޔިތުން ރުހޭ، ރައްޔިތުންނަށް ފެންނަ މީކަކަށް އެއިންތިޚާބު ކާމިޔާބު ވުމެވެ. މިހަރަކާތުގެ ލީޑަރަކަށް އިސްކޮށް ހުންނެވީ، އަންނިއެވެ. ވިސްނުމަކަށް ވެފައި އޮތީ، ވީހާއަވަހަށް ސަރުކާރު ބަދަލުކޮށްލައި އާސަރުކާރެއް ގެނައުމެވެ. މިނޫންވިސްނުމެއް ހަރުދަނާގޮތެއްގައި ތާއީދުކުރި މެންބަރުންތެރޭގައި އަށަގެންނެވިފައެއް ނެތެވެ. ފިކުރަކަށް ބިނާވެފައިއޮތީ ބަދަލުކޮށް ލުމެވެ. އެއްފުށުން އަނެއްފުށަށް ޖަހާލުމެވެ. ގައުމުގެ ކުރިމަގަށް ރޭވިފައިހުރި ޕޮލިސީތަކެއް، ސިޔާސަތު ތަކެއް ނެތެވެ. ލިޔެވިފައި އޮތީ، ސިޔާސީ ޕާޓީއެއް ހިންގާނެ ގަވާއިދެކެވެ. ދުވަހަކަށް ވުރެދުވަހެއް ވަރުގަދަވަމުންދިޔަ މިޙަރަކާތުގެ މައިބަދައަށް ލޮޅުންއަރާއި ރޫޅެންފެށީ، އެމްޑީޕީގެ ފުރަތަމަ ކޮންގުރެސްގައި ބޭއްވުނު ޕާޓީގެ ރިޔާސީ އިންތިޚާބާ، ހަމައިންނެވެ. ސަރުކާރުގެ އިސްފަރާތްތަކުން ކުޅެމުންދިޔަ މުހިންމުރޯލަށް ސަމާލުކަމެއް ނުދީތިބެވި ގެންނެވެ. މިޙަރަކާތުގެ އިސްމުޙައްރިކުންނަށް، ފިކުރީގޮތުން މެމްބަރުން ތަބާވާނެ ހަރުދަނާ ޚިޔާލާތެއް ނުދެއްކި ތިބެވިގެންނެވެ. އަދި ސިޔާސީބާރެއްގެ ގޮތުގައި ތަބާވާނެ ވިސްނުމަކަށް ފިކުރަކަށް ހޭލުންތެރި ނުކުރެވި ތިބެވިގެންނެވެ. ޕާޓީގެ އާންމުމެމްބަރުންގެ ފަރާތުން ނަމުގައި އިންތިޚާބުކޮށް ހޮވާފައިތިބި މަޖިލީހަކުން ވޯޓު ލައިގެން، ޕާޓީގެ ލީޑަރުހޮވާ އިންތިޚާބުކުރުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމުންނެވެ. ޕާޓީގެ މެމްބަރުންގެ ސިޔާސީ ހޭލުންތެރި ކަމެއްނެތި މާއަވަހަށް ޕާލަމެންޓްރީ ނިޒާމެއްގެ ވައްތަރަށް ތަބާވުމުންނެވެ. އަޅުގަނޑުގެ ވިސްނުމަށް އަންނަނީ، މުޅިއިޞްލާޙީ ޙަރަކާތުގެ އެންމެހާ ބައިވެރީންނަށް، އެމީހުންގެ ލީޑަރުހޮވުމުގެ އިންތިޚާބުގައި ބައިވެރި ވެވުނުނަމަ، މިޙަރަކާތުގެ ރޫޙާއެއްގޮތަށް ކާމިޔާބުވެ، ހުއްޓުމެއް ނައިސް ކުރިޔަށް ގެންދެވުނީސް ކަމަށެވެ. އެހެނަސް ކަންވެނިމުނީ، މަދުތަޖުރިބާ ތަކެއްގެ މައްޗަށެވެ. ކުރާނެކަމެއް ނެތެވެ. ހިތާމަހުއްޓެވެ! ދެން ކުރިމަތިވި އަނެއްކަމަކީ، ޕާޓީގެލީޑަރު ހޮވުމަށް ނެގުނުސިއްރު ވޯޓު ފެށުމަށް، ސައުވީސްގަޑިއިރަށް ކުޑަތަންވެފައި ވަނިކޮށް، ޕާޓީގެދެބާނީންގެ ގޮތުގައި މަޝްހޫރު ވެފައި އިސްކޮށް ތިއްބެވި، “އަންނި” އާއި “ގޯގޯލަތީފު” ވަކިކެނޑިޑޭޓަކަށް ވޯޓުލުމަށް ބުރަވެ، ޢަމަލީގޮތުން މަސައްކަތް ތަކެއް ކުރެއްވުމެވެ. އެންމެ ފަހު ވަގުތުގައި އެދެބޭފުޅުން “އިބުރާ” އެމްޑީޕީގެ ރައީސް ކަމަށް، ހޮވުމަށް ސީދާއޯޑަރު ނެރުއްވީއެވެ. ގދ.ތިނަދޫ ފަދަ ރަށްތަކަށް މިކަން ފެތުރުނެވެ. އަންގަވާ ހެއްދެވީއެވެ. އާދެ! ދަންނާށެވެ! ނުވަތަށް އެޅުނު ފިޔަވަޅަކަށް މިކަންތައް ވެގެންދިޔަގޮތަކީ، ސަރުކާރުގެ އިސްފަރާތްތަކަކުން ހަމްދަރުދީ ދައްކާއި މަދަދާއި ރުހުންދެމުންދިޔަ ފަރާތަކަށް، ޤައުމީ މަޖިލީހުގައި އެންމެ އިސް ކޮށް ތިއްބެވި، ދެބޮޑުންގެ ތާއީދު ފާޅުގައި އޮހިގެންދިއުމެވެ. އަދި ދުއިސައްތަދިހަ ވަރަކަށް މީހުން ބައިވެރިވި ގައުމީމަޖިލީހުގެ އަޣުލަބިއްޔަތު ލިބި، “އިބުރާ” އެމްޑިޕީގެ ފުރަތަމަ ރައީސަކަށް ހޮވުމެވެ. ފަހެ، ޕާޓީގެގިނަ މެންބަރުންނަށް ވުރެ ބޮޑަށް މިނަތީޖާއިން އުފާކުރީ މިޤައުމުގެ ވެރިކަމުގެ ފަރާތުންނާއި ޑީއާރުޕީންނެވެ. އަދި، އެންދެރިމާގޭ ކޭންޕުން ނެވެ. އޮނަރަބްލް އިލްޔާސާއި އޮނަރަބްލް ގާސިމާއި އޮނަރަބްލް އައްބާސެވެ. މީގެ ތެރޭގައި މިނަތީޖާގެ ޚަބަރު ލިބުމުން އުފަލުންގޮސް އިންތަނުން ބޭއިޚްތިޔާރުގައި ފުންމައިގެން ތެދުވެންނެވުނު ބޭފުޅުން އެބަތިއްބެވި އެވެ.

އާދެ! އަދިވެސް ވިސްނާނުލާ ކުރެވުނު ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޒަމާންތަކެއް ވަންދެން މިޙަރަކާތަށް ވަފާތެރިވި ހަގީގީބަޔަކު ދޫކޮށްލައި، އެއްފަރާތްކޮށް ލުމަށްފަހު، ހަމައެދުވަހު ފޯމުފުރައިގެން ބައިވެރިވެ ޕާޓީއައި ގުޅުނުމީހުންނަށް ގައުމީ މަޖިލީހުން ބޮޑު ތަރުހީބަކާއި ތާއީދު ދިނުން ހިމެނެއެވެ. މީގެ ހެއްކަކަށް، ށ،އަތޮޅުގެ ގޮނޑިޔަށް ކުރިމަތިކުރުވި ޑޮކްޓަރ މުނައްވަރުގެ ބޭބެ “އަންވަރު” އާއި، މާލޭގެ ގޮނޑިޔަށް ކުރިމަތިކުރުވި މުހަންމަދު ނަޝީދު “ކާނަލް” ފާހަގަކޮށްލެވެއެވެ. އަންވަރުގެ ކަންތައް ވޯޓަކުން ނިންމުނީ އިބްރާހީމް ހުސައިންޒަކީ ގޭގައިއޮތް ޤައުމީމަޖިލީހުގެ ކުއްލި ބައްދަލުވުމެއް ގައެވެ. އަދި ކާނަލަށް ވޯޓުނެގުނީ، ޔާގޫތުގޭގައި އޮތް އެމަޖިލީހުގެ ކުއްލި ބައްދަލު ވުމެއްގަ އެވެ. މިއީ ކުއްލި، ކުއްލިއަށް އަންނި ނެރުއްވި އޯޑަރު ތަކެކެވެ. މާލޭގޮނޑިޔަށް ކުރިމަތި ކުރުވާނެ މީހެއް ހޮވުމަށް ކާނަލާ ވާދަކުރުވީ، ނަޒާކީޒަކީ އެވެ. އޭނައަށް ލިބިލެއްވީ އެންމެތިން ވޯޓެވެ. އެއީ މ.އަތޮޅު ޚާއްސަ މަޖިލީހުގެ މެންބަރު އަލްފާޟިލް އަހްމަދު ޝަފީގު އާއި އަޅުގަނޑު އާއި ޑޮކްޓަރ ވަހީދު ދެއްވި މިތިންވޯޓެވެ. އަންނިއާ އެކު ހާޒިރުވެ ތިއްބެވި އެންމެން ވޯޓުދެއްވީ ކާނަލަށެވެ. އެވަގުތު ކާނަލުވަރެއް ނެތުނީއެވެ. މިއީ ރާވައިގެން ނެގުނުވޯޓެކެވެ. ފަހެ، މިފެންނަނީ، މިފަދަ ހަރަކާތެއްގެ ރޫޙައި، މުޅިން ޚިލާފަށް އެޅެމުންދިޔަ ފިޔަވަޅުތަކެވެ. އަބަދުވެސް އިސްކަން ދޭންޖެހޭނީ، ކުރިންތިބި މީހުންނަށެވެ. ހަގީގަތް ރަނގަޅަށް ދަންނަ އިތުބާރުކުރެވޭ މީހުންނަށެވެ. ހަމަ ފެންނަހާމީހަކު އިސްކުރުމުން، ދުރުމުސްތަގުބަލަށް ގެއްލުން ދައްކާނެ ކަންތަކެވެ. ދާއިމީކާމިޔާބަށް ހުރަސްއެޅޭނެއެވެ. ފަހެ، ދަންނާށެވެ! މިއީ ރީދޫކުލައިގެ ހެދުމުގައި ތިއްބެވި އެހެންކުލަކުލައިގެ ހެދުންތަކުގެ އަސަރުތައް އިސްލާޙީ ހަރަކާތަށް އޭރުފޯރާފައި ހުރިވަރު ވަޒަންކޮށްލުމަށް ވަރަށް ރަނގަޅު، ރީތި ފިލާވަޅެކެވެ. އާދެ! އެންމެފަހު ވަގުތުގައި އަންނިއާއިގޯގޯލަޠީފު އިބުރާއަށް ދެއްކެވި ހަމްދަރުދީއަކީ، ރާއްޖޭގެ އިޞްލާހީޙަރަކާތް ބައިބައިވުމަށް ދިމާވިސަބަބު ތަކުގެ ތެރެއިން އެންމެއިސްސަބަބު ކަމުގައި އަޅުގަނޑު ދެކެމެވެ. އިޞްލާޙީޙަރަކާތް ބައިބައިވެ ފުނޑުފުނޑުވާން ފެށީ، މިހިސާބުންނެވެ. މިޙަރަކާތް ހަލާކުވެ ހީނަރުވެގެން ދިޔައީ، މިދެމީހުންގެ ސަބަބުންނެވެ. ނެރެމުންގެންދިޔަ ކުއްލިހަރަކާތާއި އަމުރުތަކުގެ ސަބަބުންނެވެ. އޭރު އެ އޮތްރޫޙު ގެއްލި ބައިބައި ވުމުގެ ޒިންމާ އަޅުގަނޑު އަޅުވާނީ، މިދެންނެވި ދެބޮލުގައެވެ. މިދެމީހުންގެ ކެތްތެރިކަމެއް ހުރިނަމަ ކާމިޔާބު ހަރުދަނާ ވެފައި ދާއިމީވީހެވެ. ޚާއްސަކޮށް އަންނިގެ ދޯދިޔާ، އަމިއްލަވަންތަ ގޮތްގަނޑު އިސްކުރުމުގެ ސަބަބުން އެރިލޮޅުންތައް ވަރަށްގިނަ ގުނައެވެ.

ފަހެ، މިހާރުފެންނަމުން މިދަނީ، ރިފޯމްހަރަކާތުގެ މައިބަދައަށްއެރި ލޮޅުމުގެ ސަބަބުން ބައިބައިވެގެންދިޔަ ބަދަތަކަށް ލިބުނުގެއްލުމުގެ ނަތީޖާއެވެ. ޤައުމުގެ ހުރިހާހިސާބަކުން މިގެއްލުން ރީތިކޮށް އެބަފެނެއެވެ. ގަހެއްގައި އަޅާ މޭވާއެއް ޠަބީޢީގޮތުން ދޮންވުމުގެ ކުރިން ގަދަކަމުން ދޮންކޮށް އަވަހަށް ކާލާއި ދިރުވާލަން އުޅެފިއްޔާ ލިބޭނީ މިނަތީޖާއެވެ. ކާލެވުނަސް އަދި ދިރުވާލެވުނަސް ވާނީ، ވަގުތީ އުފަލަކަށެވެ. ފަހެ، ރައްޔިތުންނަށް ހޯދައިދޭން އުޅުނުބާރު، އަނބުރާ ރައްޔިތުންނަށް ރައްދުކޮށްނުދެވި ތިބެ، ކުދިކުދިބާރުތަކަކަށް އަމިއްލަ އަތުން ބައިބައިކޮށް ލެވުނީއެވެ. ހިތާމަހުއްޓެވެ! މިއީ އަސަރުން ފުރިގެންވާ ވާހަކަ ތަކެކެވެ. ދެއްކުމުން އަސަރުކުރާ ވާހަކަތަކެކެވެ. ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ ފަރާތުން، 18 އޯގަސްޓް 2007މ. ގައި ބޭއްވި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ނެގި، ޢާންމު ސިއްރުވޯޓު 2007 ކުން، ވަރަށްރީއްޗަށް މިކަންތައް ތަޖުރިބާ ކުރެވިގެން ހިނގައްޖެއެވެ. ވެރިކަމުގެ ފަރާތުން މިވޯޓަށް ހިންގި ނާޖާއިޒު ނުފޫޒުތައް ބަލާމޮނިޓަރކުރާނެ ބާރުވަނީ، ރިފޯމުހަރަކާތުގައި ތިއްބެވި ބޮޑުމަޖިލީހުގެ މެމްބަރުންނަށް އުޅެއުޅެވެސް ނުހޯދިފައެވެ. އުޅެއުޅެވެސް ފަހިނުކުރެވިފައެވެ. ކުރި ހުރިހާ މަސައްކަތެއް ވަނީ، ފަނުފުލުން ގޮސްފައެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ! އަޅުގަނޑު ދަންނަވާނީ، މިކަން އެހެންވީ ހަމަ ރޫޅިފައި އޮތްލެއް ބޮޑު ކަމުންނެވެ. އެކިކުލަކުލައިގެ ފޭރާމުގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ނުފޫޒާއި ބާރު، ރީދޫކުލައިގެ މައްޗަށް ވެރިވާލެއް ބޮޑުކަމުން ނެވެ. ހުރިހާކަމެއް މިނިމެނީ ވެރިކަމުގެ ފަރާތަށް ފަހިވާގޮތަށެވެ. ފައްސިޔަ ކޮށެވެ. އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! އިސްތިބްދާދީ ވެރިކަމެއްގައި، އިސްތިބްދާދު ދެންމުމަށް މަގުފަހިކޮށްދެނީ ވެސް ހަމަތިޔަ ލޮބުވެތި ރައްޔިތުންނެވެ! ފެނިގެން މިދާ، ތަޖުރިބާތަކުން މިކަންޖެހޭނީ އަޅުގަނޑުމެން ގަބޫލުކުރާށެވެ. އޭ! މަގޭ ލޮބުވެތި ރައްޔިތުންނެވެ! ހޭއަރާށެވެ!

އާދެ! ރާއްޖޭގައި ރިފޯމްހަރަކާތް އަލުންބަލުން، ރިފޯމްކޮށް ސީދާމަގަށް އަނެއްކާވެސް އެޅުވޭނީ، އާރާއްޖެއެއްގެ ވިސްނުމާއި ޚިޔާލާތުގެ ފިކުރެއް ބިނާކުރެވި، ރައްޔިތުންނަށް ހާމަކޮށް އޮޅުންފިލުވައިދެވި ގެންނެވެ. އާފިކުރެއް، އާޚިޔާލާތެއް، ރައްޔިތުންގެ ހިތްތަކުގައި އިންދާއިދީ، އަށަގެންނެވިގެން ނެވެ. ރައްޔިތުންގެ ތެރޭގައި އިސްލާހީހަރަކާތުގެ ރޫޙު ކުރިންއޮތް ވަރަށްވުރެ، އެންމެތަންކޮޅެއްވެސް ދަށެއްނުވެއެވެ. ފަހެ، ހަރުދަނާ ޤިޔާދަތެއްނެތުމުން ރޫޅިފައި އޮތީއެވެ. ސިޔާސަތަށް ނުވަދެތިބިމީހުން ސިޔާސަތަށް ވެއްދުމުގެ ބޭނުމުގައި އިތުރުޕާޓީތަކެއްގެ ރޫޙުއުފެއްދުމަކީ ނެތްކަމެއްނޫނެވެ. ބޭނުންތެރި ކަމެކެވެ. މަޤްޞަދަކަށް ވާންވާނީ އިދިކޮޅު ހުރިހާޕާޓީއެއް ގުޅިގެން ކުރިޔަށް ދިއުމެވެ. އިދިކޮޅު ވަރުގަދަ އިއްތިޙާދެއް ގައިމު ކުރުމެވެ. ފަހެ، އެއިއްތިހާދު ވާންވީ “އެމްޑީޕީއިއްތިހާދު” އަށެވެ! މިއީ ތިންވަނަދުނިޔޭގައި ޕްރެކްޓިސް ކުރެވެމުންދާ ކާމިޔާބު ސިޔާސީ ހަމައެކެވެ. ވިސްނުމެކެވެ. މިރޫޙުއާލާ ކުރެވިދާނެ ކަމުގެ ހެއްކަކީ، އިޞްލާޙީޙަރަކާތުގު ދިރުމުގައި ހުރިހޫނުކަމާއި ތާޒާކަމުގެ ހަލުވިވިންދެވެ. ރައީސް މައުމޫނަށްފަހު، ވެރިކަމަށް ކުރިމަތިލާނެ ބަޔަކު އެމީހުންގެ މުނިފާހާއި އަމަޒާއެކު، ނުނިކުންނާތީ، ސިޔާސީބާރަކަށް އަދި ނުވަނީއެވެ. ބޭނުންވަނީ، ނިޔަތާއި މަޤްޞަދު އިޚްލާޞްތެރި ސިޔާސީލީޑަރުން ތަކެކެވެ. އަންނި އެމްޑީޕީ އައިގެން ތެދުވަންވީއެވެ. އިބުރާ އިބުރާގެ ޕާޓީކޮޅަށް ޖެހޭތޯބަލަން ވީއެވެ. ޑޮކްޓަރ މުނައްވަރު ވަޠަނީރޫޙެއްގައި އާޕާޓީއެއް ކޮޅަށް ޖެހޭތޯބައްލަވަން ވީއެވެ. އެމްޑީޕީ ތެރޭގައި އަންނިއާ ވާދަކޮށްގެން ކާމިޔާބު ހޯދަން އުޅޭނެކަމެއް ނެތެވެ. ޑޮކްޓަރވަހީދު އޭނާގެ ސަޕޯޓަރުންނަށް ދިރުމަކާއި ރޫޙެއް ގެނެސްދޭން ލަސްވަނީއެވެ. އަވަސް ކުރައްވާށެވެ. އާހިތްވަރެއްގެ އާބަޔަކު އާރޫޙެއްގައި ދިވެހި ސިޔާސީޖައްވަށް ގެނެސް ވެއްދޭތޯ ބައްލަވަން ވީއެވެ. އަވަސް ކުރައްވާށެވެ. މުޅިންއާ ސިޔާސީ ޕާޓީއެއްގެ ކުޑައިގެ ދަށަށް ތަޢުލީމީ، ތަޖުރިބާ ލިބިފައިވާ މީހުންތަކެއް ޖަމާކުރެވޭތޯ ބައްލަވަން ވީއެވެ. އަދި ގުޅެންޖެހިއްޖެ ބަޔަކާ ފަހަށް ނުޖެހި ގުޅެންވީއެވެ. އާއިއްތިހާދެއް ވުޖޫދަށް ނެރެދެއްވަން ވީއެވެ. އަޅުގަނޑަށް ހީވަނީއޭރުން އިސްލާހީހަރަކާތަށް އާދިރުމެއް އައިސް، މުޅިންއާ ސިޔާސީ ފިކުރެއް އުފެދި، އާޚިޔާލާތެއްގެ، އާރާއްޖެއެއް ދިވެހީންނަށް ބިނާކޮށްދޭނެ، އަދި ހުރިހާޕާޓީތަކެއް ރުހޭ، ސިޔާސީ ލީޑަރެއް ފެނިދާނެ ހެންނެވެ. ޕާޓީތައް ގިނަވުމަކީ، އެއްގޮތަކަށް ވެސް މައްސަލައެއް ނޫނެވެ. ވަގުތު ޖެހުމުން އެގޮތް މިގޮތްވެ ސާބިތުވެ ހަރުލާނީ، ރައްޔިތުންގެ ތާއިދު އެންމެ ބޮޑަށް ލިބޭބައެކެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅޭނެ ވަގުތުވެސް އަންނާނެއެވެ. ބާރެއްނެތް، ގޮނޑިއެއް ނެތް ޕާޓީތައް އުވިގޮސް މަދު ޕާޓީތަކެއްގެ މައްޗަށް އަދަދު މަދުވެގެންދާނެ އެވެ. ގިނަޕާޓީތައް އޮތުމުން އެންމެން އެކައްޗަކަށްވެ، އިއްތިހާދު ވާން މާފަސޭހަ ވާނެއެވެ. ބާރަކަށްވާން މާފަސޭހަވާނެއެވެ. އަދި، ވެރިކަމުގައި އޮންނަޕާޓީއަށް ސިޔާސީ ޕްރެޝަރުދޭން މާފަސޭހަ ވާނެއެވެ.

ފަހެ، ދަންނާށެވެ! އިޚްލާޞްތެރި ފިކުރެއްނެރެ ދަށްކައި ރައްޔިތުންނަށް ހާމަކޮށްދެވޭ ހިސާބުން ކުރިޔެކޭއެއްގޮތަށް އިސްލާހީހަރަކާތަށް ތާޒާކަންލިބި ވަރުގަދަވެ، ސިޔާސީބާރަކަށް ވެގެންދާނެ ކަމުގެ ކުލަވަރާއި ހެކިތައް މިހާރުވެސް ދިވެހިއުދަރެހުން ތާޒާކަމާއެކު، ފެންނަން އެބަހުއްޓެވެ. މަޤްޞަދު އެކައްޗަކަށް ވާއިރަށް އެއްޚިޔާލެއްގެ ސިޔާސީޕާޓީތައް އެކުވާނެއެވެ. އިއްތިޙާދެއް އުފެދި ބަގުޑިސަރުކާރާ ދެކޮޅަށް ޖަޒްބާތުގައި، ހިންގައިގަންނާނެ ކުލަވަރު އަޅުގަނޑުގެ ތަޞައްވުރަށް މިހާރުވެސް އެބަސިފަ ކުރެވެއެވެ. މިހާރު ދެންއޮތީ، މިރޫޙުގައި ކުރިޔަށްދިއުމެވެ. އެހެންގޮތެއް އަދި ފެންނާކަށް ނެތެވެ. އެއްޕާޓީ އެއްގައި އެންމެން ނަށް އުޅެވުނު ދުވަސް ފާއިތުވެއްޖެ އެވެ. ދެނެއް އެރޫޙެއް ނުދެއްކޭނެ އެވެ. އެފޯރިއެއް ނުގެނެވޭނެއެވެ. ކުރިން އެއޮތްރޫޙު، މިތިބިގޮތަށް ތިބެގެން، ދެނެއް އާލާއެއް ނުކުރެވޭނެ ކަން ޔަގީނެވެ. ކަށަވަރެވެ. އެރޫޙުވަނީ، އިސްކޮށް ތިއްބެވި ބަޔަކަށް ހެދުނު މިސްޓޭކުން، ކާމިޔާބު ވުމެއް ނެތި ގެއްލިފައެވެ. އަތުތެރޭން ދޫވެގެން ގޮސްފައެވެ. މިއީ އަޅުގަނޑުގެ ސިޔާސީ ތަޞައްވުރެއް ކަމުގައި ޤަބޫލުކުރެއްވުން އެދެމެވެ. އަދި ކޮންމެބޭފުޅަކުވެސް ދެފަހަރަކުމަތިން ވަރަށް ވިސްނުމާއެކު މިމަޒްމޫނު ވިދާޅުވުމަކީ، އަޅުގަނޑުގެ އެދުމެކެވެ. ދިވެހި ޤައުމުގެ ސިޔާސީ ނާރެހާމެދު ވިސްނުމަކީ ކޮންމެ ދިވެހިފަރުދެއްގެ ވެސް އަހުލީ ޙައްޤެއްކަމުގައި ބައްލަވާށެވެ. ފަރުދީވާޖިބެއް ކަމުގައި ބައްލަވާށެވެ. އިޖްތިމާޢީ ދިރުމެއް ކަމުގައި ބައްލަވާށެވެ. އެކިމީހުންގެ ހުންނާނީ އެކިވަށްތަރުގެ އެކިވިސްނުމެވެ. އެކި ތަސައްވުރެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ހޭއަރާށެވެ! އާރާއްޖެއެއް ބިނާކޮށްދޭނެ ލީޑަރަކު ދެއްކޭނެއެވެ! ހޯދާށެވެ! މާލަސްތަކެއްނުވެ، ރައްޔިތުންގެބާރު ބާރަކަށްވެ އެބާރުލީޑުކޮށްދޭނެ ލީޑަރަކު ފެނުމަކީ، ވަރަށްގިނަ ބައެއްގެ އެދުމެކެވެ. އުންމީދެކެވެ. އަޅުގަނޑުގެ ދުޢާއަކީ، ދިވެހީންނަށް އާދިވެހިރާއްޖެއެއް ބިނާކޮށްދޭނެ އިޚްލާޞްތެރި ސިޔާސީލީޑަރަކު ފާޅުކޮށް ދެއްވުންއެދި ﷲ އަށް ދެންނެވުމެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page