ދުސްތޫރީނިޒާމު ފުނޑާލިޔަ ނުދޭށެވެ!
- ilyashusein
- Mar 22
- 3 min read
Updated: Mar 29
ތެދުވާށެވެ!!
ރެފަރެންޑަމަކަށް އެހޭނެ ތިންކަމެއްގައި ސުވާލު އޮންނަންވާ ގޮތް ސާފުކޮށް ދިނުމަށް ބޮޑުމަޖްލީހުން، ގާނޫނުއަސާސީގައި މާއްދާއެއް ޚާއްސަކޮށްފައި ބޭއްވީ، ވެރިކަމަށް އަންނަ ބަޔަކު ދުސްތޫރީނިޒާމު ފުނޑާލިޔަ ނުދިނުމަށެވެ. އަސާސީގެ އަސްލު ބިނާއާއި ބިންގާ ފުނޑާލިޔަ ނުދޭށެވެ. އަސާސީން ރައްޔިޔުންނަށް މުތްލަގުކޮށް ދީފައި އޮތްބާރަށް އުނިކަމެއް ވެރިކަމުގެ ބާރުން އަމިއްލައަކަށް ގެނަޔަ ނުދޭށެވެ. އަސާސީގެ، 262 ގެ، ށަވިޔަނީގެ އެކެއް، ދޭއް، ތިނެއް ބައްލަވާށެވެ.
މިމާއްދާގައިވާ ކަންކަމާ ކުޅުމަކީ އިސްލާހެއްނޫނެވެ. އަސާސީގެ ބިންގާ ބަދަލުކުރުމެވެ. މިކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭބާރުން ލިޔުއްވާ ގަރާރަކުން ނުކުރުއްވޭނެއެވެ. އޮލްކްޝަން ކޮމިޝަނުން ކޮށްގެން ވެސް ނުވާނެއެވެ. އަސާސީއަށް ބުންޔާދީ އަސާސީބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންނަށެވެ. ރައްޔިތުން މެދުގައި ބަހުސްކުރެވި ވިސްނުމަށް ފަހުއެވެ. އަސާސީގެ ބިނާއާއި ބިންގަލާ ކުޅެން ނުގަދާށެވެ. ވެރިމީހާއަށް އެއީ ކުރެވޭނެ ކަމެއްނޫނެވެ.
ފަހެ، ދުސްތޫރުގައި މި އޮތީ ރެފަރެންޑަމުގައި ރައްޔިތުންނާ ކުރެވޭނެ ސުވާލުތައްް ސާފުކޮށް ދީފައެވެ. މިކަން ރައްޔިތުންނާ ހިސާބަށް ގެންދަން އަސާސީގައި ބުނެފައި މިއޮތީ އިސްލާހަކަސް ނުވާތީއެވެ. މިއީ އަސްލު ބަދަލުކުރުމަށް ވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް، އިލެކްޝަންސް ކޮމިޝަނުން ގާނޫނީލަފާ ނުހޯދާ ފެންނަނުފެންނަ އާންމުވޯޓެއް އިއުލާނުކޮށްފައި އެވަނީ ރައްޔިތުންގެ މެދުގައި ބޮޑުކޮށް ޚިޔާލުތަފާތުފެވައިވާ ވަގުތެއްގައެވެ. އެއްވެސް ގާނޫނީ އަސާސެއް، ބިނާއެއް ނެތި ދުސްތޫރުން ބޭރުވެ ތިބެ އިލެކްޝަންސް ކޮމިޝަނުގެ އަމިއްލަ ރައުޔަށެވެ. ވިސްނުމަށެވެ.
މިފަދަ ހާލަތެއްގައި ސުޕްރީމްކޯޓުން ލަފައެއް ނުހޯދާ އިލެކްޝަނުން ރެފަރެންޑަމެއް އެބާއްވަނީ ދުސްތޫރުން ބޭރުވެތިބެއެވެ. މިއީ އަސާސީ މުގުރާލުމެވެ. އިސްލާހެއް ނޫނެވެ. ވީމާ އިލެކްޝަނުންނާއި މއެފަދަ ގަރާރެއް ނުރުއްވި ފަރާތުން ވެސް އެކުރަނީ ދުސްތޫރީނިޒާމަށް އަރައިގަތުމުގެ ބޮޑު ކުށެކެވެ. ސުޕްރީމްކޯޓުން އިސްނަގައި ދިވެހިދައުލަތުގެ ދުސްތޫރީނިޒާމު ފުނޑާލުމަށް އިލެކްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މި ދެއިދާރާއިން ހިންގާ ދުސްތޫރުން ބޭރު މި އަމަލު ހުއްޓުވަން ޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީވަކީލުން ނުކުމެ މިކަމާ އުޅެންޖެހެއެވެ. ވަކީލުން ކަޅުކޯޓުގައި ނުކުތުމުން ދުސްތޫރު ދެމެހެއްޓޭނެއެވެ. ކެރެންވީއެވެ. އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރަންވީއެވެ. ސަރުކާރުން ދޭ މަގާމަކަށާއި ފައިސާއަށް ނުހެއްލެންވީއެވެ.
ނޫނީ މިއޮއްގެން ހިންގާ ނިންމާލަނީ އިދާރީޖަރީމާއެކެވެ. ފަހުން، އެ ދެފަތާ މެދު ދައުވާ އުފުލަންޖެހޭ ވަރުގެ ބޮޑު ޖަރީމާއެކެވެ. ލޮބުވެތިރައްޔިތުންނޭވެ!! #ދިވެހިތަކުރުން ނޭވެ!! ހޭލާށެވެ!! ހަރުއަޑުން ނޫނެކޭ ބުނާށެވެ!!
ދިވެހިދައުލަތުގެ އިލެކްޝަންސް ކޮމިޝަނުގައި ކޮމިޝަނަރުން ގޮތުގައި މި ތިބީ ރާމާމަކުނުތަކެއްތޯ އެބަ ސުވާލު އުފެދެއެވެ؟؟ އަސާސީ އާ ފުށޫއަރާ ސުވާލެއް، ފެންނަނުފެންނަ ވޯޓެއްގައި އެހިދާނެތޯއެވެ؟؟ ސުވާލަށް އުނިއިތުރު ގެނައުމުގެ ގާނޫނީބާރު ކޮމިޝަނަށް ކަމާބެހޭ ގާނޫނުން ނެތަސް އެސުވާލަކީ ދުސްތޫގެ ދަށުން ކުރެވިދާނެ ސުވާލެއްތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެއްގެ ސުވާލު އުފެދެއެވެ! ދޮންކިޔޮވަކެއް ފެން އިރަށް ރާމާމަކުނުތައް ތެޅިފޮޅިގަންނަ ގޮތާ ކޮމިޝަނަރުންގެ މި އަމަލާ އެއްވެސް ތަފާތެއް ނެތެވެ. އަދާކުރާ ޒިންމާ އާމެދު ވިސްނާލުމެއްނެތެވެ. ލަފައެއް އަހާލުމެއް ނެތެވެ. ހަމަ ގަރާރެއް ފެންނަ އިރަށް ކޮންމެ ފަދަ ސުވާލަކަށް ވިޔަސް ވޯޓަށް އަހަންވީ ތީއެވެ؟

ރައީސްގެ ގަރާރުގައި އޮތްއެއްޗެއް ފަހުމް ވުމުގައި އޮޅުން އަރާ ސާފުނުވާ ހާލުގައި ޖެހޭނީ އިސްތިޝާރީލަފައެއް ސުޕްރީމްކޯޓުން ހޯދާށެވެ. އެއީ އިދާރީ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތެވެ. ރާމާމަކުނުތައް ދޮންކިޔޮވަކަށް ހަދާލާހެން އަވަސް އަރުވާލާފައި ތެޅިފޮޅިގެނެ ދިރުވާލުމުގެ ބަދަލުގައި ތިމާމެންނަށް އޮތް އަމިއްލަ ދުސްތޫރީޒިންމާ އުފުލަން ޖެހޭނެއެވެ. އެއީ މަޖުބޫރު ކަމެކެވެ. އެއަށް ފަހު ނޫނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް އިއުލާނުކޮށްގެން ނުވާނެއެވެ.
މިހާރުކޮށްފައިވާ މި އިއުލާނު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރި ބޮޑުކުށެކެވެ. ދިވެހިދައުލަތުގެ ދުސްތޫރީނިޒާމަށް ދިން އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެކެވެ. ޚިޔާނާތެކެވެ. އެ ކުށުގެ ފުރިހަމަ ޒިންމާ އެ ކޮމިޝަނުގެ މީހުން އުފުލަން ޖެހޭނެއެވެ. ރައްޔިތުންގެ ބޮޑުމަޖްލީހުން ރައީސުލްޖުމްހޫރިއްތާއަށް އޮތް އިޚުތިޔާތަކުތެރެއިން މިކަންކަން ބޭރުކޮށް ރައްޔިތުންގާތުން އެހުމަށް، ދުސްތޫރުގެ މާއްދާއެއްގައި ލިޔެ ލާޒިމު ކުރީ ހުރިހާ އިޚުތިޔާރެއް ރައީސް ބޭނުންފުޅުވާ ގޮތަކަށް މިކަންކަމުގައި ރައީސަށް ބާރު ދޫކޮށް ނުލުމުގެ މަގުސަދުގައެވެ.
ވެރިކަމުން މިހާ ހިސާބަށް ދިއުމަކީ އަމިއްލަ އެދުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އަސާސީން ނުދޭ ބާރުތައް އެއްކުރުމެވެ. ދައުލަތުގެ ތިންބާރު އެއްކޮށް އަމިއްލަބާރުގެ ދަށަށް ގެނެސް ލުމެވެ. ޖަމާކޮށްގަތުމެވެ. މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ރައީސަށް އޮތް އިޚުތޮޔާރެއް ނޫނެވެ. އަދި މިއީ، ދިވެހިދައުލަތް އެކުގައި އަމިއްލަ ބާރުގެ މުށުތެރެއަށް އެކުގައި ގެނައުމެވެ. މުޅި ކާއިނާތުގެ ތަބީއަތާއި ދިރިދެމިއޮތުމުގެ ހަމަތައް ވެސް، އަމިއްލަ އެދުމުގައި ޖެހި ގަސްދުގައި މުގުރާލުމެވެ.
ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅުއްވާފައި ވަނީ ސާބިތު ވުމަށެވެ. ފުށޫއެރުމެއް ނެތި އޮމާންކޮށް ހަމަތަކެއްގެ މަތީން ހުރިހާކަމެއް ދެމިގެން ދިއުމަށެވެ. އަމިއްލަ އެދުމުގެ ދަހިވެތިކަން މިވަރުން ދަންޏާ ދެއީދު ނަމާދު ވެސް އެއްކޮށްލާއި ކޮންމެ ދުވަހަކު އެއްނަމާދު ފަތިހު ކޮށްލައިގެން އެއް އިރުކާލައިގެން ހުރުމަކީ ވެސް ކުރެވޭނެ ކަމެއް ނަމަ، ވެރިކަމުގެ ބާރުގައި ދެމި ހުރުމަށް މި ޑިކްޓޭޓަރު ކަލޭގެފާނު ކޮށްފާނެ ކަންތަކެވެ!

ދަންނާށެވެ! މިއީ ކާއިނާތުގައި ﷲ ލެއްވި ތަބީއީ ހަމަތަކާއި ދުސްތޫރީނިޒާމަށް ސީދާކޮށް ގޮންޖެހުމެވެ. ޗެލެންގު ކުރުމެވެ. އަމިއްލަބާރާއި ދައުވާ އިސްކުރުމެވެ. ފަހެ، މިއީ ހުރިހާ ރައްޔިތުންގެ ހައްގަށާއި އަސާސީބާރަށް އަރައިގަތުމެވެ. މުތްލަގުކޮށް ރައްޔިތުންނަށް ދީފައި އޮތްބާރެއް ނިގުޅައިގަތުމެވެ. އެފަދަ ކަމެއް ވެރިކަމުން ހިނގަފާނެ ކަމުގެ ބިރަށް ބޮޑުމަޖްލީހުން ދުސްތޫގައި ގެނެސްފައިވާ މާއްދާ ވެސް އޮޅުވާލުމެވެ. އެއްވެސް ހާލެއްގައި މިއީ ކޮށްގެން ވާނެ ކަންކަމެއް ނޫނެވެ. ދުސްތޫރުގައި ހުއްދަ ދެވިފައި އޮތް ކަމެއްނޫނެވެ. ދުސްތޫރަށާއި ރައްޔިތުންނަށް ގޮންޖަހާފައި ކުރާ ބޮޑުކުށެކެވެ.
ގުރުއާން ބުނެދެނީ މިގޮތަށެވެ. އޭނާއަކީ ފުދިފައިވާ މީހެއް ކަމުގައި އޭނާއަށް ފެނުމުން، ހަމަ ކަށަވަރުން އިންސާނާ އެކި ކަންކަމުގައި އިންތިހާއަށް ހައްދުފަހަނައަޅައި ދެއެވެ. މިއީ ނުރައްކާތެރި ހާލަތެކެވެ. އިންސާނާގެ ނުރައްކާތެރިކަން، އޭނާގެ އަޚުވަންތަ އިންސާނުންނަށް ކުރިމަތި ވަނީ އޭނާގެ ހައިކަން ފިލައި ބަނޑު ބޮޑުވެ، ހަތަރުފަރާތުން މަސްޖަހާލުމުންނެވެ. އިންސާނާގެ ދުނިޔެވީ، މާއްދީ ފުދުންތެރިކަން ހަމަޖެހި، އެ ގޮތުން އޭނާއަށް ކުރިއެރުމާއި ވެރިކަމުގެބާރު ލިބުމުން، އޭނާއަށް ކޮންމެ ކަމެއް ކުރުމުގެ ބާރުވެރިކަން ލިބިގެންވާކަން އޭނާއަށް ގަބޫލުކުރެވިގެން ދެއެވެ.
ދަންނާށެވެ! އެކަމެއްގެ ވަގުތުގައި އެކަމެއް ހަމަޖައްސާއި ކުރުމަކީ ރައްޔިތުންނަށް ކަންކަމުގައި ވިސްނުމާއި ކުރިމަގު ހެޔޮ ގޮތުގައި ބިނާކޮށް ދެމެހެއްޓުމަށް ހުޅުވާލެވިގެން ލިބޭ އެންމެ މާތް ފުރުސަތެވެ. އެ ފުރުސަތަކީ އެއްވެސް މީހަކު އަމިއްލަ ބާރާއި އެދުމުގައި ހަނިކޮށް، ބަންދުކޮށްގެން ވާނެ ދޮރުތަކެއް ނޫނެވެ. އެއީ ދުސްތޫރުގެ އިތުރުން ތަބީއީގޮތުން ކާއިނާގައި، ﷲ ހުޅުއްވާދެއްފައި ހުރި ދިރުތަކެވެ. މަގެވެ.
ދަންނާށެވެ! ފަހެ، މި އަމަލަކީ، ކައުނުގެ ތަބީއީ ނިޒާމަށް އަރައިގަތުމެވެ. ދިވެހިދައުލަތުގެ ދުސްތޫރޫނިޒާމަށް އަރައިގަނެ ފުނޑާލުމެވެ!!
މި މީހުން ކުޅަ ކުށުގެ އަދަބު މިމީހުންނަށް ދިނުމަކީ ދިވެހިދައުލަތުގައި ދުސްތޫރީނިޒާމު ދެމެހެއްޓުމެވެ!! ރައްޔިތުންގެބާރު ދެމެހެއްޓުމެވެ!!
ލޮބުވެތި ރައްޔިތުން ނޭވެ!! ދިވެހިތަކުރުންނޭވެ!! އުއްތަމަފަނޑިޔާރު ކޮބައިތޯއެވެ؟؟ ސުޕްރީމްކޯޓު ހޭލާށެވެ!! ޒިންމާ އަދާކުރާށެވެ!!މުޖުރިމުންގެ ބަޔަކު އެކުވެ ދިވެހިދައުލަތް ނޮޅާލައިފިއެވެ. ދިރުވާލައިފިއެވެ. ވާ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!!
ދިވެހިރާއްޖެ....ދިރިދެމިއޮންނާނެ!!



Comments