top of page

ދުވަސްވީ އިސްތިބްދާދީ ވެރިކަމެއްގައި ސިޔާސީޕާޓީއެއްގެ ފެށުން.

  • Writer: ilyashusein
    ilyashusein
  • Nov 26, 2009
  • 10 min read

އިލްޔާސް ހުސައިން އޮބްރާހީމް. (ލިޔުނީ: 2006 ގައި)

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން، ސިޔާސީޕާޓީ އުފެއްދުމާ ބެހޭ ޚާއްސަގާނޫނެއް ފާސްކޮށް އަދި ތަސްދީގު ކުރެވިފައި ނެތަސް، “ސިޔާސީޕާޓީ ގަވާއިދު 2005″ ސަރުކާރުން ނެރުއްވައި، އަމަލުކުރަން ފެއްޓެވި ހިސާބުން، ރާއްޖޭގައި ސިޔާސީޕާޓީ އުފައްދައި ހިންގުމުގެ ގާނޫނީބާރު ލިބުނީއެވެ.

އާދެ! މިހައްގު ލިބިގެންދަނީ، ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭބާރުގެ ދަށުން، އެކަށައަޅާ ގަރާރެއްގެ މަތިންނެވެ. ފަހެ، 42 ވަނަ މާއްދާއަކީ، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާއި ރައީސުލް ޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތައް ބަޔާންކުރާ، ފުދޭވަރަކަށް ދިގު މާއްދާއެކެވެ. މިމާއްދާގައި (ހ) އިން ފެށިގެން (ވ) އާ ހަމައަށް 8 އަކުރުގައި އެތައް ކަންތައްތަކެއް ރައީސުލް ޖުމްހޫރިއްޔާ އަށް ހުއްދަކުރައްވައި ބަޔާންކުރެވިފައި ވެއެވެ.

ފަހެ، މިމާއްދާއިން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭބާރުގެ ދަށުން، އެމަނިކުފާނަށް ދިވެހި ރާއްޖޭގައި ސިޔާސީޕާޓީތައް އުފައްދައި ވުޖޫދަށް ގެނެސް ހިންގުމަށް މަގުފަހިކޮށް ދިނުމަށް މަޖްބޫރުވީ ހިނދު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެމަތިން، އެކަށަހަޅުއްވައި ނެރުއްވި، ނަންބަރ: 95/2005 ގަރާރުގެ ދަށުންނެވެ.

މިގަރާރުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ، “ސިޔާސީ ޕާޓީގެ ގަވާއިދު 2005″ ހިންގުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އަމުރުކުރެއްވި ހިނދު، އެހައްގު ފުރިހަމައަށް ދިވެހިންނަށް ލިބުނީއެވެ. މިގަރާރަށް ކިޔަނީ، “ސިޔާސީ ޕާޓީގެ ގަވާއިދާބެހޭ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރު” މިހެންނެވެ. އިސްތިބްދާދީ ވެރިކަމެއްގައި ފުރަތަމަ ފަހަރަށް ސިޔާސީޕާޓީ އެއްގެ ފެރުން ވުޖޫދަށް ގެނެވުނީ، މިގޮތަށެވެ.

އާދެ! މިހައްގު މިގޮތަށް ދޫކޮށްލައްވަން ރައީސް މައުމޫނަށް މަޖްބޫރުކުރުވީ، ދިވެހި ރާއްޖޭގައި އިސްލާހަށް ގޮވާލައި، 1980 ވަނަ އަހަރުން ފެށިގެން، ހިންގަންފެށި ރިފޯމް ހަރަކާތުގެ ސަބަބުންނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި ގައުމީ ފެންވަރުގެ އިސްލާހީ މަސައްކަތްތަކެއް ފަށައިގަނެވުނެވެ. އެހަރަކާތް ފެށުނީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކުގެ އިސްނެންގެވުމުގެ ދަށުން، އޭރު ރައީސް މައުމޫން އުފައްދަވާފައި އޮތް ޚާއްސަ މަޖިލީހުގެ ތެރޭގައެވެ.

ޒަމާނުއްސުރެ ދިވެހިން ޚާއްސަ މަޖިލީހަށް ކިޔާއުޅެނީ، ބޮޑުމަޖިލީހެވެ. ފަހެ، މިދުވަސްވަރަކީ، 17 އަހަރުގެ ދިގު މުއްދަތެއް ނަންގަވައިގެން ރައީސް މައުމޫނު އިސްލާހު ކުރެއްވި “ބޮޑު ގާނޫނު އަސާސީ” އިސްލާހު ކުރުމުގެ މަސައްކަތް ހިންގުނު ދުވަސްވަރެވެ.

ގާނޫނު އަސާސީއަށް އެކިއެކިކުލައިން ނަންދީގެން އަޅުގަނޑުގެ އެއްވެސް ލިޔުމެއްގައި ބޭނުންކޮށްފައެއް ނުހުންނާނެއެވެ. ދިވެހިތާރީޚަށް ބަލާއިރު އެއީ އެއްވެސް އިރެއްގައި ގާނޫނު އަސާސީތައް ވަކިކުރުމަށް ބޭނުންކޮށްފައިވާ ބަހުރުވައެއް ނޫނެވެ. ރަތްއަސާސީ، ނޫއަސާސީ، ފެހިއަސާސީ މިގޮތަށް ބޭނުން ކުރުމަކީ، ދައުލަތުގެ ދުސްތޫރަށް ހުތުރުކަމެކެވެ.

ގާނޫނު އަސާސީއަށް އެކިކުލަތަކުން ނަންދީގެން ކިޔުމަކީ، އަޅުގަނޑު ކުރާހިތްވާ ކަމެއްނޫނެވެ. އަދި އެގޮތަށް ދައުލަތުގެ ދުސްތޫރު ކަމުގައިވާ ގާނޫނު އަސާސީއަށް އެއްވެސް ބޭފުޅަކު މުޚާތަބުކޮށް، ބޭނުން ނުކުރެއްވުމަށް ގޮވާލަމެވެ.

ކުރީޒަމާނުގެ ލިޔުންތައް ދިރާސާކޮށް ބަލާއިރު ކޮންމެވެސް އެއްދުވަސްވަރެއްގެ ގާނޫނު އަސާސީއަށް “ކުޑަގާނޫނު އަސާސީ” އޭ ކިޔާފައި އެބަހުއްޓެވެ. ބޮޑު މަޖިލީހުގެ ތެރޭގައި އުފަންވި، އިސްލާހީ ހަރަކާތުގެ ކަންތައްގަނޑު ވައިގާހިފައި މާބާރަށް ކުރިޔަށް ދާންފެށުމުން، ރައީސް މައުމޫނު ހެއްދެވިގޮތަކީ، ބޮޑުމަޖިލީހުގެ މިޖަލްސާތައް ދެއަހަރެއްވަރު ވަންދެން އެއްގޮތަކަށް ވެސް ނުބާއްވަވައި މެދުކަނޑާ ލެއްވީއެވެ.

އޭރު އެއީ ވަރަށް ފަސޭހަ ކަމެކެވެ. ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ހަމީދަށް ދަންނަވާލާއިރަށް އެކަންތައްވީއެވެ. ހަމަޖެހިގެން ދާނެއެވެ. ކުރާށޭ އެންގުމުން ވާނެއެވެ. ބޮޑުމަޖިލީހުގެ ކޮންޓްރޯލް އޭރުއޮންނަނީ އެސީދީގެ އަތްޕުޅުގައެވެ.

މިކަން ކުރެއްވުމަށް ހެއްދެވި އުކުޅަކީ، އޭގެ ދެއަހަރެއް ފަހުންއޮތް، ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބުގައި ހީލަތާއިމަކަރު ހައްދަވައިގެން، އާންމުއިންތިޚާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލައްވައިގެން ބޭނުންފުޅުވާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ގެންނަވައި ބޮޑުމަޖިލީހުގެ ބޮޑުބައެއް މިގޮތުގެ މަތީން އާކޮށްލެއްވީއެވެ.

އަދި އޭގެ ތެރޭގައި އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުއްވި ގިނަމެންބަރުން، މަޖިލީހުން ބޭރުވެސް ކޮށްލެއްވީއެވެ. އަދި އެއްމެންބަރުކު ޖަލަށްލައްވާއި ހުކުމެއް ކުރެއްވީއެވެ. އަނެއްތިން މެންބަރަކަށް އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެއްވީއެވެ.  މިއީ މަޖްލިސް ކޮންޓުރޯލް ކުރާ އުކުޅެވެ.

އެހެނަސް ރާއްޖޭގައި ފެށުނު، އިސްލާހީ ހަރަކާތްދިޔައީ ދިރެމުން ކުރިއަރަމުންނެވެ. ވަރުގަދަވެ އާރުލަމުންނެވެ. ނުވަދިހައިގެ އަހަރު ތައްފެށުމާއެކު، ޕްރިންޓް މީޑިޔާގެ ތެރެއަށް މިހަރަކާތް ދަތުރުކޮށް ނޫސް މަޖައްލާތައް ނުކުންނަށް ފަށައިފިއެވެ.

އަދި ދެހާހުގެ އަހަރުތަކުގައި އިލެކްޓްރޯނިކް މީޑިޔާގެތެރެއަށް ރާއްޖޭގެ އިސްލާހީ ހަރަކާތް ދަތުރުކޮށް، ބާރުސްޕީޑެއްގައި ތަރޯތާޒާ ކަންމަތީގައި ރިފޯމުގެ މަސައްކަތް އާރޫޙެއްގައި ފެށިއްޖެއެވެ. މިއީ މިހަރަކާތުގެ އެންމެ ފޯރިގަދަ މަރްހަލާ އެވެ.

ފަހެ، “ސަންދާން” މަޖައްލާއަކީ، މިހަރަކާތް މުޅިރާއްޖެ ތެރެއަށް ފަތުރާލަދިން އެއްވަސީލަތެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ހަތަރުފަސް ސޮފްހާގެ މިނޫސް ޕްރިންޓްކޮށްގެން ގެންގުޅެން ފަށައިގެންފިއެވެ. ކިޔާމީހުންތައް ގިނަވެއްޖެއެވެ. ސަރުކާރުގެ އޮފީސްތަކުގައި ހުންނަ ޕުރިންޓް މެޝިންތަކުން ޕުރިންޓުކޮށް ގެން ސިއްރުން އޮފީސްތެރޭގައި ކަޔަން ފަށައިފިއެވެ.

ފަހެ، މިހަރަކާތް ރާއްޖޭގެ ތަންކޮޅުތަކަށް ފެތުރިގެން ދިއުމުގެ އަސްލަކަށް “ސަންދާން” މަޖައްލާ ވެގެން ދިޔައެވެ. ސަންދާނަކީ ޔޫއެނުންނާއި އީޔޫން ބަލައިގަނެފައިވާ މަޖައްލާއެކެވެ. ޖަލުގައި ހުރެ ބޭހަށް ބޭރަށް ދާން ލިބުނު ފުރުސަތުގައި ފިލައިގެން ބޭރަށް ދިޔަ ސަންދާނު އިބްރާހީމް ލުތްފީއަށް ޔޫއެންގެ ރެފިއުޖީންނާ ބެހޭ އޮފީހުން ހިމާޔަތް އެރުވިއެވެ. ރައީސް މައުމޫނުގެ އަނިޔާވެރި ސަރުކާރުން އެކަންފާހަގަ ކުރަންޖެހޭނެއެވެ.

ފަސްސަންގު އާއި އިތުރުސައިޓް ތަކަކީ، މިހެން ގޮސް ސަންދާނުގެ ދަރިފަސް ކޮޅު މަޖައްލާތަކެވެ. އާދެ! ބޮޑުމަޖިލީހުގެ ތެރެއިން އިސްލާހީ ހަރަކާތްނުކުމެ ރައްޔިތުންގެ މަޖިލިސްތެރެއަށް ވާސިލުވެގެން ހިނގައްޖެއެވެ.

ބާރަށް ކުރިޔަށް ދަމުންގޮސް، ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި، “ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ” (ޕީޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހެޅުނެވެ. ތާރީޚީ މިމަސައްކަތް ހިންގީ، ކެނެރީގޭ މުހަންމަދު ނަޝީދު އަންނިއާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، އަޅުގަނޑެވެ. މިތިންމީހުން ވެގެންނެވެ.

މަޑުޖެހުމެއް ނެތި، އެއްވާން ކަމެއްގައި ރިފޯމްގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ. އާދެ! 2001 ވަނަ އަހަރު އަނެއްކާވެސް ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ އަމަލީ މަސައްކަތް އިސްލާހީ ހަރަކާތުގެ އަހުލުވެރިން ފަށައިގެންފިއެވެ. މަޑެއްކޮށް ނުތިބެވެއެވެ.

އެހަރަކާތުގެ ދަށުން 42 ފަރާތަކުން ސޮއިކޮށް، އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ދިނުމަށްއެދި ސަރުކާރަށް ހުށަހެޅުމުން، އެގޮތްމިގޮތަށް އެމައްސަލަ ދިގުދެންމުމަށް ފަހު، ވަޒީރުންގެ މަޖިލީހަށް ގެންދަވައި، އޭރުގެބަންޑާރަ ނައިބުކަމުގައިވާ، ޑޮކްޓަރ މުހަންމަދު މުނައްވަރުގެ މޭސްތިރިކަމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، 17 ޖޫން 2001 ވި އާދީއްތަ ދުވަހު، އެމަޖިލީހުގެ 43 ވޯޓުގެ އަޣްލަބިއްޔަތުން ފާސްކޮށް ނިންމެވުމަށް ފަހު، އެރުވުނު ލަފައަކީ، އަދި މިފަދަ ހުއްދައެއް ދިނުން މަޖިލީހަށް ނުފެންނަ ކަމަށެވެ.

މިއީ ދިގު ބަހުސްތަކެއް ކުރެވުނު ޖަލްސާއެކެވެ. ތަޅުންހޫނުވި ދުވަހެކެވެ. ބައެއް މެންބަރުން ޕާޓީ ސިސްޓަމް ސިޔާސަތު ގެނެސް ސިޔާސީޕާޓީ އުފެއްދުމަކީ، އަލިފާނާކުޅުން ކަމުގައި ވިދާޅުވިއެވެ. ރަށުތެރޭގައި އަލިފާން ޖެހުންކަމަށް ސިފަ ކުރެއްވިއެވެ.

ރައްތިޔުންގެ މަޖިލީހުގެ މިމަޝްހޫރު ޖަލްސާގައި ޑޮކްޓަރ މުހަންމަދު މުނައްވަރު އެމްޑީޕީގެ ނަމުގައި ޖަމާވެފައިވާ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ފިކްރިއްޔާތާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކީ، އެދުވަހުގެ ޔައުމިއްޔާއިން، މިހާރުވެސް ފެންނަގޮތަށް ދިރިދިރިހުރި ހެކިތަކެކެވެ.

ރައީސް މައުމޫނަށް ހަމްދަރުދީވެ، ހެޔޮއެދުމުގައި އަރާހުންނެވި، އަދި ރައީސް މައުމޫނުގެ ނަމުގައި ބޭރުބަޔަކަށް ދިވެހި ޚަޒާނާއިން ފައިސާތަކެއް ޚަރަދުކޮށްގެން ފަސްސަތޭކަ ވަރަކަށް ސޮފްހާގެފޮތެއް ލިޔެދެއްވި، އަދި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން، ރައީސް މައުމޫނު ވިދާޅުވާހާ ގޮތަކަށް ދިވެހި ރައްޔިތުންގެ ހައްގުމިލްކު ކަމުގައިވާ ފަޅުރަށްރަށް ބޮޑެތި މުއްސަނދީންނަށް ބެއްސެވި، އޮނަރަބްލް އިބްރާހީމް ހުސައިން ޒަކީ، އަކީވެސް މިހަރަކާތާ ދެކޮޅަށް، އޭރު މައުމޫނާ ގުޅިގެން ހުރަސްތަކެއް އެޅުއްވި ބޭފުޅެކެވެ. އޭރުގެ ޔައުމިއްޔާތައް ހޯއްދަވައިގެން ބައްލަވާށެވެ. އޭރުން މިވާހަކަތަކުގެ ހެކި ފެންނާނެއެވެ.

ފަހެ، މިދެބޭފުޅުން ރާއްޖޭގެ އިސްލާހީ ހަރަކާތާ ދެކޮޅަށް ދެއްކެވި ވާހަކަތަކާއި ކުރެއްވި ދެކޮޅުވެރި ހަރަކާތްތަކާއި މަސައްކަތް ތަކުގެ ހެކިތައް އަޅުގަނޑު އަތުގައި ފޮރުވާފައި ހުންނާނެއެވެ. އަދި މިހެކިތައްއެތައް، އެތައް ރައްޔިތެއްގެ އަތުގައި ހުންނާނެކަން ކަށަވަރެވެ.

އާދެ! އެދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކުގެ ޔައުމިއްޔާ މަޖިލީހުގެ އިދާރާއިން ހޯދާފައި ހުންނާނެއެވެ. މިބޭފުޅުންގެ ވާހަކަތަކުންނާއި މަސައްކަތްތަކުން، އިސްލާހީ ހަރަކާތަށް އެޅުނު އެއްވެސްހުރަހެއް ނެތެވެ. ގެއްލުމެއް ނުދެވުނެވެ. ފާޅުގައި ހާމަވެގެންދިޔައީ ސަރުކާރަށްދެއްކި ހަމްދަރުދީއަކާއި ވައިއެޅުވުމެކެވެ.

ޑޮކްޓަރ މުނައްވަރު ދެއްކެވި ހެކިތަކާއި ހުއްޖަތްތަކަކީ، އެމްޑީޕީއަށް، ވަރަށް ސީދާގޮތުގައި ކޮށްފައިވާ ހަޑިހުތުރުވެގެންވާ ބޮޑުމަލާމާތެކެވެ. ފަހެ، މިޔައުމިއްޔާތައް މުތާލަޢާ ކުރެއްވުމަށް ފަހު، ކޮންމެ ބޭފުޅަކު ވެސް އަމިއްލަފުޅަށް ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީ އާދޭތެރޭގައި ނިންމަވާނެ ގޮތެއް އިންސާފުކޮށް ލެއްވުމަކީ، ވަރަށްމުހިންމު ކަމެކެވެ.

އާންމު ރައްޔިތުންގެ ކުރިމަތީގައި އާންމުމަޢާފަކަށް އެދުމަކީ، މަކަރާއި ހީލަތުން ފުރިގެންވާ ސިޔާސީ އުކުޅެކެވެ.

ފަހެ، އެއީ އިންސާނެއްގެ ސިކުނޑިއަށް ލިބިފައިހުރި އޮޅުވާލުމުގެ މޮޅުތަޖްރިބާ ތަކުގެ ދަށުންކުރެއްވި ހީލަތްތެރި އަމަލެކެވެ. މިއީ އެއްގޮތަކަށް ވެސް އެއްވެސް ރައްޔިތެއް ހިތުގެއަޑިން ގަބޫލުކޮށްގެން ވާނެކަމެއް ނޫނެވެ. ފާޅުގައި ދެކޮޅު ހެދުމަށް އަޅުގަނޑު ގޮވާލަމެވެ. އެހެންނޫނީ ފަހުން، ހަގީގަތް ފަޅާއަރާދުވަހު، ކުރަންޖެހޭ ހިތާމައިން މާބޮޑަށް ދެރަވާން ޖެހޭނެއެވެ.

އާދެ! ރައްޔިތުންގެ މަޖިލީހުން މިދެއްވި ޕާޓީސިސްޓަމާ އިދިކޮޅު ޚިޔާލާއެއްގޮތަށް ސިޔާސީޕާޓީ ރަޖިސްޓްރީކޮށް ދިނުމުގެ މައްސަލާގައި، މަޖްލިސްގެ އެލަފަޔާ އެއްގޮތަށް އަމަލުކުރަމުން އައިސް ވޭތުވެދިޔަ ހަރަތު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަންތައްތަކަށް، ވަރަށް ބޮޑެތިހެޔޮ ބަދަލުތަކެއް ގެންނަން ރައީސް މައުމޫނަށް މަޖްބޫރު ވެއްޖެއެވެ.

ނަތީޖާއަކީ، ވަރަށްބޮޑެތި އިޖްތިމާޢީ އަދި އިގްތިސާދީ އަދި ފިކުރީކުރިއެރުން ތަކެއް ދިވެހި މުޖްތަމަޢަށް ހާސިލުކުރެވިގެން ދިއުމެވެ. ދިވެހި ރާއްޖެއަށް މިދުވަސްތަކުގައި ލިބުނު އިގްތިސާދީ އަދި އިޖްތިމާޢީ އަދި ފިކުރީ ކުރިއެރުމާއި ފައިދާ ހަމަހަމަގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ނިޒާމަށްވެސް ގެނެސް އަދި އެކަށީގެންވާ ހެޔޮބަދަލު ތަކެއް މުޅިދައުލަތުގެ ސިޔާސީ އޮނނިގަނޑަށް ގެނައުމަށް، ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.

އަދި ހިއުމަންރައިޓް ކިމިޝަނަކާއި ބައެއް އިސްލާހީ ބިލްތައް ވެސް މަޖްލީހަށް އެދުވަސްވަރު ރައީސް އޮފީހުން ފޮނުއްވަން ފެށިއްޖެއެވެ. ރާއްޖެއަށް އައިސްފައިވާ ކުރިއެރުމަށާއި ރައްޔިތުންގެ ހޭލުންތެރިކަމަށް ނަޒަރު ކުރައްވައި، ރާއްޖޭގައި ސިޔާސީޕާޓީތައް އުފައްދައި ހިންގުމުގެ ވަގުތު ގެންނަން ޖެހިއްޖެކަމަށް، ރައީސުލް ޖުމްހޫރިއްޔާއަށް މަޖްބޫރުވެއްޖެއެވެ.

ރާއްޖޭގައި ސިޔާސީޕާޓީ އުފައްދާއި ހިންގުމާބެހޭ ގޮތުން ރައްޔިރުންގެ މަޖިލީހުން، 2001 ވަނަ އަހަރު، މީގެކުރިން ނިންމެވި ނިންމެވުން، ރައްޔިތުންގެ މަޖިލީހުން އަލުން މުރާޖަޢާކޮށް ދެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައި ގަތުމާގުޅިގެން، 2005 ޖޫން 2 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާބެހޭ ގޮތުންވާހަކަ ދަށްކަވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ރައްތިތުންނަށް ޖަމާޢަތްތަކާއި ޖަމްއިއްޔާތައް ހެދުމަށް ލިބިދޭމިނިވަން ކަމުގެތެރޭގައި ސިޔާސީޕާޓީ އުފައްދައި ހިންގުމަށް ފުރުސަތު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައި ގަންނަވާ ކަމެއްކަމުގައި އެދުވަހު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި، 46 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައި އެކަން ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އެންގުމާ ގުޅިގެން، ދިވެހި ރާއްޖޭގައި ސިޔާސީޕާޓީތައް އުފައްދާއި ހިންގުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކުރިން އިސްވެ ދެންނެވި ގާރާރުގައި ރައީސް މައުމޫނު ސޮއިކުރެއްވީ، 2005 ޖޫން 4 ވި ހޮނިހިރު ދުވަހު، ދިވެހި ރާއްޖޭގެ ވެރިރަށް މާލޭގައެވެ.

އާދެ މިހާހިސާބުން ސިޔާސީޕާޓީތަކަށް ގާނޫނީ ހައިސިއްޔަތެއް ލިބުނީއެވެ.

އެހެނަސް މިއީ ކުރިންހަވާލާ ދެވުނު، ރައީސުލް ޖުމްހޫރިއްޔާގެ ގަރާރުގެ ދަށުން، އެމަނިކުފާނުގެ ބާރާއި ނުފޫޒުގެ އިމުގެ ތެރޭގައި ވަކިހައްދަކަށް ލިބިގެންދިޔަ މިނިވަން ކަމެކެވެ. ރައީސް މައުމޫނުގެ މާޒީން، މިފަދަކަންތައްތައް ދިރާސާކޮށް ބަލާއިރު، މިއީވެސް މަކަރާއި ހީލަތުން ޖަރީކުރެ ވިފައިވާ، ބިރުވެރި ކަމުން ފުރިގެންވާ ބައްޔެއްގެ ނުބައި ޖަރާސީމުތަކުން ވަށާލެވިފައިވާ ޗޭނެކެވެ. މިޗޭނަކީ، ބޮޑުވަބާއެއް ފަދަ އެއްޗެކެވެ.

ބޮޑުވަބާއެކޭ މިދެންނެވީ، މިހާރު ކަންތައްތައް ވަމުންދާގޮތުން، ރައްޔިތުންނަށް މިކަމަކީ، ބިރުން ފުރިގެންވާ މުސީބާތަކަށް ސަރުކާރުން ހަދާފައި ވާތީއެވެ. ސިފައިންލައްވާ މަގުތައްމަތީގައި ނުކުރުވާ ކަމެއް ނެތެވެ. މާބަނޑު އަންހެނުން ގައިގާ މުގުރުން ތަޅުވާފައި ވެއެވެ. ހުރުމަތްތެރި ވެގެންވާ ގެދޮރަށް ހަތިޔާރާއެކު ސިފައިން ވަށްދައިފިއެވެ.

އަލިފާންބޯޅަ އާންމު މަގުމަތީގައި އުކުވައިފިއެވެ. ޕާޓޭންގެ ގޭންގުތަކަށް ފައިސާދީގެން ލުއިހަތިޔާރާއެކު އާންމު މަގުތަކަށް ނެރެފިއެވެ.  މިހުރީ މިކަމުގެ ފަހަތުން ދައްކަމުން ގެންދާ ބިރުވެރިކަމެވެ. ނާމާންކަމެވެ. މިފަދަ ނުސީދާ ދެކޮޅުވެރި ހަރަކާތްތައް ސިޔާސީޕާޓީ ތައާރުފްވުމުގެ ކުރީކޮޅުގައި ސަރުކާރުން ހިންގުމަކީ މުޅި މިސިސްޓަމް ބަރުބާދުކޮށް ލުމެވެ. މަރާލުމެވެ. މިކަމުގެ ނޭދެވޭ އަސަރުތައް ކުރާނީ ދިވެހިރައްޔިތުންނަށެވެ. އަދި ޅަފަތުގައި ޕާޓީސިސްޓަމް ސިޔާސަތަށެވެ.

ފަހެ، ދަންނާށެވެ! ފުރިހަމަ ގާނޫނީ ބާރަކަށްވާނީ، މުސްތަގިއްލު ގާނޫނަކުން، ސިޔާސީޕާޓީ ތަކަށް ގާނޫނީބާރު ލިބުނީމައެވެ. މިކަމަށް ރައްޔިތުނގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ލިބިގެންނެވެ.

ފަހެ، މިއީ ޑޮކްޓަރ މުނައްވަރުގެ ކުލަ ބޯވައެއްހެން މިހާރު ބަދަލު ވެފައިވާތީ، ކުރިންއޭނާ ދެއްވާފައިވާ ލަފަޔާދެކޮޅަށް ޑޮކްޓަރ ހަސަން ސަޢީދު ލައްވާ ސަރުކާރުން ކުޅުވައިގެން އުޅޭ، ސިޔާސީކުޅި ގަނޑެކެވެ. ފަހެ، ސިޔާސީޕާޓީ އުފެއްދުމުގެ ހަގީގީބާރު ލިބުމަކީ، އެކަމާބެހޭ ގާނޫނެއްގެ ދަށުން ފުރިހަމަބާރު ލިބުމެވެ.

މިގޮތަށް ސިޔާސީޕާޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ، ރައީސް މައުމޫނުގެ ސަރުކާރުން، ފިހިގަނޑެއް ތަޅުވައިގެން ބުޅާކުޅުވާ އުސޫލުން، މިހާދޯދިޔާ ގޮތަކަށް ހަނިދޭތެރެއެއް ހާވާލައްވާފައި މިދެއްވީ، އެމަނިކުފާނުގެ ހިތްޕުޅަށް އެކަންވަދެގެން ރަނގަޅު ނިޔަތެއްގައި ރައްޔިތުންނަށް، ރައްޔިތުންގެ ބާރުދިނުމަކަށް ނޫނެވެ. ރަށުތެރޭގައި ހައިޖާނު އުފައްދާއި ވީހާ އަވަހަށް މިނިޒާމު ހަރުދަނާވިޔަ ނުދީ އަނެއްކާ އުވާލެއްވުމަށެވެ.

އާދެ! މިހުއްދަ ދެއްވުމަކީ، ރައްޔިތުންގެ ކަންތައްތަކުގައި ނަގާކިޔާއި އެންމެހާ ރައްޔިތުންގެ މަޝްވަރާ ޝާމިލްކޮށް، ސިޔާސީ ކަންތައްތައް ނިންމުމުގެ ފުރިހަމަބާރު ރައްޔިތުންނަށް ފުރިހަމަގޮތުގައި، އާނިޒާމެއްގެ ދަށުން މިނިވަންކޮށް ގާނޫނީބާރާއެކު ދޫކޮށްލެއްވުމަށް ބޭނުންފުޅު ވެގެންނެއް ކުރެއްވި ކަމެއް ނޫނެވެ. އޭރޫ ރައީސް މައުމޫނު، ސަރުކާރު ބޭނުން ކުރެއްވީ ސިޔާސީޕާޓީ ނިޒާމު ހަރުދަނާ ކުރައްވާކަށް ނޫނެވެ. ސަރުކާރުން ވިސްނުން ގެންގެލެފައި ހުރީ އަލަށް ތައާރުފްވާ ޕާޓީނިޒާމު ފުނޑާލުމަށެވެ. އިލެކްޗަންސްކޮމިޝަނުން ވެސް ހިފާފައި ހުރީ ބެލެނިވެރިކަން ރަނގަޅަށް ކުރުމުގެ ބަދަލުގައި މިނިޒާމު ވީހާ އަވަހަށް ފެއިލްކޮށްލާށެވެ.

އާދެ! މިކަން ވެގެން ދިޔައީ ދިވެހިންގެ ތެރެއިންގިނަ ބަޔަކު ހުއްޓުމެއްނެތި ތަކުރާރުކޮށް އިސްލާހަށް ގޮވާލާއި ޖިހާދުކުރަމުން ދިޔަ ބައެއްގެ ހިތްވަރާއި މިންނަތުން ހިންގި އަގުހުރި މަސައްކަތެއްގެ ނަތީޖާގެ ސަބަބުން، ރައީސް މައުމޫނަށް މަޖްބޫރުވެގެން ދޫކޮށްލެއްވި ދޫކޮށްލެއްވުމަކަށެވެ. އަދި ހުޅުވާލެއްވި ހުޅުވާލެއްވުމަކަށެވެ. ނިޔަތް ރަނގަޅެއްނޫނެވެ. ނިޔަތް ރަނގަޅު ނަމަ ޕާޓީނިޒާމް ފުނޑާލައްވަން ނޫޅުއްވީހެވެ.

މިކަމަކީ، އެއްގޮތަކަށް ވެސް ރައްޔިތުންނަށް އެމިނިވަންކަން ދޫކޮށްލެއްވުމަށް ރުހިގެން ކޮށްދެއްވި ކަމެއްނޫނެވެ. ފަހެ މިކަންކުރެއްވީ، ބައިނަލް އަގްވާމީ ފަރާތްތަކަށް ދެއްކުމަށްޓަކައި ކުރެއްވި ޒީނަތްތެރި ކުރެއްވުމެއްގެ ވިދާބަބުޅާ، ފޭރާމެއްގެ ގޮތުގައެވެ. އެތެރެ ފުށުން ބެއްލެވީ ސަރުކާރުގެ ބާރު ބޭނުންކޮށްގެން އިސްލާހީ ހަރަކާތް ފުނޑާލައްވާށެވެ. ޕާޓީތައް ހަލާކުކޮށްލެވޭތޯއެވެ.

މަގުމަތީގެ ބޮޑުހައިޖާނަކަށް ބަދަލުކޮށް ރައްޔިތުންނަށް ބޮޑު ފިތުނައެއް ގޮތުގައި މިނިޒާމު ދައްކުވާށެވެ. އަދި ބައެއް އަރިސް ސަރުކާރުގެ ބޭފުޅުން ލައްވާ މިނިޒާމަށް ވަރަށް ހުތުރުކޮށް ފާޑުކިޔުއްވިއެވެ. އޭގެ ތެރޭގައި އަނީސާމެން ކަހަލަ ބޭފުޅުން ޕާޓީސިޔާސަތާ ދެކޮޅަށް ދެއްކެވި ވާހަކަތައް ގުނާލަން ޖެހެއެވެ. އަންބުﷲ ޝާހިދު ކަހަލަ އެހެން ބޭފުޅުން ބެއްލެވީ މީގެ ތެރެއަށް ވަދެ އަމިއްލަފައިދާ ނަގާއި ސާފުވެގަންނާށެވެ. މުޑުދާރުފަސްބައި ދޮވެސާފުކޮށްލާށެވެ.

ދިވެހި ރާއްޖެއަށް ތަހުޒީބީ އިސްލާހުތައް ގެންނަވަން އަމަލީގޮތުން، ފިޔަވަޅު އަޅުއްވަން ފަށައިގެންފިކަން އެކުވެރި ދައުލަތްތައް (އދ) އަށާއި ޔޫރަޕިޔަން ޔުނިއަން (އީޔޫ) އަށާއި ކޮމަން ވެލްތް ގައުމުތަކަށާއި ޔޫއެސްއޭ އަށާއި އިނގިރޭސި ވިލާތަށާއި އަވަށްޓެރި ނިންޑިޔާއަށާ، އަދި ޗައިނާއަށް ވެސް ދައްކާލުމަށް، އެޅުއްވި އަދުން އެޅުއްވުމެކެވެ.

އެއްގޮތަކަށް ވެސް ރައްޔިތުންނަށް އެކަމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ދޫކޮށްލެއްވުމުގެ މާތްމަގްސަދުގައި ކުރެއްވިކަމެއް ނޫނެވެ. ސަރުކާރުގެ އަމަލުތައް ހުރީ މިކަން ސުލްހަވެރިކަމާ އެކު ގައިމުކުރިޔަ ނުދޭށެވެ. ހަގީގަތުގައި ގާނޫނީ ގޮތުން މިކަން ކޮށްދެއްވަން ބޭނުންފުޅުނަމަ، މިހާދުވަސްވީއިރު ސިޔާސީޕާޓީ ތަކާބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވީހެވެ.

ކަންތައް ވެގެންދިޔަގޮތަށް ދިރާސާކޮށް ބަލާއިރު ނެރެވޭ ނަތީޖާއަކީ، ރައީސް މައުމޫނު މިކަންތައް، މިގޮތަށް މިގެންދަވަނީ، ދިގުދަންމާށާއި ވީހާގިނަދުވަހަކު ވެރިކަމުގައި ދެމިހުންނެވުމަށް ރާވާރޭވުން ގެންދަވާ ސިޔާސީ ކުޅިގަނޑެއް ކަމަށެވެ. މިއީ ތެދުހަގީގަތެވެ. ހިތުގައި އޮންނަނީ އުމުރަށް ރާއްޖޭގެ ވެރިކަން ކުރުމެވެ. އަންނަ އިންތިޚާބު ވެސް ނަގާށެވެ.

އެހެންވެ މިހާރު އަމާޒަކީ، 2008 ވަނައަހަރާ ހަމައަށް ދެންމުމެވެ. އަދި އިންތިޚާބުގައި އިތުރަށް ވެރިކަން ނަގާށެވެ. ކޮށްދެވެން އޮތްހާކަންތަކެއް ކޮށްދީގެންވެސް، 2008 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބާ ހަމައަށް ދިގުދަންމައިގެން ގެންދާށެއެވެ.

މިކަން ސާބިތުކުރެވޭ އަލިގަދަ ހެއްކަކީ، ރައީސް މައުމޫނުގެ މަގުޗާޓު ކުރައްސަވާފައި ވާގޮތެވެ. ސަހުޔޫނީ ޔަހޫދީން، ފަލަސްތީނު ކަންތަކުގައި މަގުޗާޓެއް ދެއްކިގޮތަށް މިމަގުޗާޓަކީ، ރައީސް މައުމޫނު ބައިނަލް އަގްވާމީ ސޮސައިޓީއަށް ހަދިޔާކުރެއްވި ހިޔަޅުއެއްޗެކެވެ. ދިވެހިންނަށް އޮޅުވާލެއްވި އޮޅުވާލުމެކެވެ.

އޭރު ރައީސް މައުމޫނު ސަރުކާރުން ގެންގުޅުއްވި “އާބާދީ އެއްފަސްކުރުން”  އާއި “މަގުޗާޓް” އާއި "ލޮނުޒިޔާރަތްކޮޅުގެ ބިޔަމަޝްރޫއު" ތައް ފަދަ މަންޒަރަކީ، މިއީ ފަލަސްތީނުގައި ސަހްޔޫނީ ޔަހޫދީން “އަނެއްބިން” އާއި “ބޮޑުބިން”  މިނަންނަމުގައި ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް އޮޅުވާލާއި ހުވަފެން ދެއްކުމަށް ރޭވިރޭވުންތަކާއި ފަރުމާކުރި ޕްލޭންތަކާ އެއްވެސް ތަފާތެއް ނުވާ ރޭވުންތަކެވެ.

އާދެ! މިގަރާރުގެ ދަށުން ގަރާރުކުރެއްވި، ގަވާއިދުގެ މަތިން، ރާއްޖޭގެ މުޅިތާރީޚުގައި ވެސް އެންމެފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީޕާޓީއަކީ، “ދިވެހި ރައްޔިތުނެގެ ޑިމޮކްރެޓިކް ޕާޓީ” (އެމްޑީޕީ) އެވެ. ސަރުކާރުން ހައްދަވައިދެއްވި ރަސްމީ ރަޖިސްޓްރީ އަޅުގަނޑުމެންގެ އަތަށް ލިބިގަތުމަށް ޓަކައި ދެތިން ހަތަރު ފަހަރެއްގެ މަތިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހުންނަ ހުރަވީ ބިލްޑިންގް ދޮށުގަޔާއި އެމިނިސްޓްރީ ތެރޭގަޔާއި އެއިމާރާތުގެ ތެރޭގައި ހަމަހިމޭން އެއްވުމުގެ ހަރަކާތްތައް ހިންގަންޖެހުނެވެ.

އެމްޑީޕީރަޖިސްޓްރީ

ފުރަތަމަ ހުށަހަޅަންޖެހޭ، 50 މީހުންގެ ސޮއި އަޅުގަނޑުމެން ގެންދިޔައީ ލިސްޓަކަށް ވާގޮތަށް ގަނޑުކޮށް ސޮއިތައް ކުރުވައި ގެންނެވެ. މިލިޔުންތައް އޮފީސް ތެރެއަށް ވައްދާއި ތިރީހަކަށް މިނެޓަށްފަހު، އަޅުގަނޑާއި އަބްދުއްﷲ ސައީދު އޮފީސް ތެރެއަށް ގެންދެވުމަށް ފަހު އެންގެވީ، ގަވާއިދުގައި އެބުނާ، 50 ސޮއި ގެންނަން ޖެހޭނީ، ފޯމެއްސިފައިގާ ގަވާއިދުގެ އެމާއްދާގައި ހިމެނޭހުރިހާ މައުލޫމާތެއް ހުރެފައި ވަކިވަކިން ކޮންމެމީހަކަށް ފޯމެއް، ސޮއިކޮށް ހުށަހެޅީމައެވެ.

މިކަމާ އަޅުގަނޑާ މުޢާމަލާތު ކުރައްވަމުން ގެންދެވީ، ސިޔާސީޕާޓީ ތަކުގެ ރަޖިސްޓްރާރ އައްޝައިޚް ޝުޢައިބް ޔޫސުފެވެ. ދެން އަވަސްވެގަތީ، އެންބުރި ޕާޓީއޮފީހަށް ނުގޮސް އެތާ އެމިނިސްޓްރީ އިމާރާތުތެރޭ ތިބެގެން ތިބެގެން ވަކިވަކިން ސޮއިކޮށް ފޯމްތައް ފުރާއިފުރިހަމަ ކުރާށޭވެ.

އެއްބަޔަކު ވަރަށް އަވަހަށް ޕާޓީއޮފީހަށްގޮސް، 200 ވަރަކަށްފޯމްގެ ފޮޓޯ ކޮޕީހައްދައިގެން އެތަނަށް ގެނެސްފިއެވެ. ފޯމްތައް ފުރަންފެށި ގޮތަށް އިސާހިތަކު، 80 އަށް ވުރެ ގިނަ ފޯމް ހަމަވުމުން، އަނެއްކާވެސް 10:45 އެހާކަންހާއިރު، އަޅުގަނޑުމެން އެފޯމުތައް އެކުގައި ހުށަހެޅުމުން ބަލައިގެންފިއެވެ. ދިވެހި ތާރީޚުގައި ތާއަބަދަށް ޓަކައި މިވާހަކަތައް ގިނަތަސްވީރު ތަކަކާއެކު، ލިޔެވިގެންދިޔައީ އެހިސާބުންނެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެފަރާތުން ފޯމްބޮނޑި ހިއްޕަވައިގެން ވަޑައިގެންނެވި، ހޯރަފުށީ ސަލީމަށާއި އެހެން ދެމީހަކަށް އެހިސާބަށް، ހޯމްމިނިސްޓްރީ ތެރެއަށް އާދެވުނީ، އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ލިތުންތައް ފުރިހަމަކޮށް ހުށަހަޅާއި އެލިޔުންތައް، ހޯމް މިނިސްޓްރީއަށް ބަލައިގަނެ، ލިބިއްޖެކަމުގެ ލިޔުމެއްދިންތާ މާފަހުންނެވެ. އޭރު މެންދުރު ވެދާނެއެވެ.

އާދެ! “ސިޔާސީޕާޓީ ގަވާއިދު 2005″ ރާއްޖޭގެ އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ ހަސަން ސަޢީދު ޕްރޫފް ބައްލަވައި ފައިނަލްކޮށް ނިންމެވުމަށްފަހު އެމަނިކުފާނުގެ އޮފީގެ ރަސްމީ ވެބްސައިޓަށް އަޕްލޯޑްކުރީ، 2005 ޖޫން 4 ވި ހޮނިހިރު ދުވަހު އިރުއޮއްސުނު ފަހުންނެވެ.

އެޓާނީޖެނެރަލް އޮފީހުގެ ވެބްސައިޓްގައި މިގަވާއިދު މިހާރު ފެންނަން ހުންނާނެ ކަމާއި މިގަވާއިދުގެ ދަށުން، ސިޔާސީޕާޓީ ރަޖިސްޓްރީ ކޮށްދިނުން ހުޅުވާލެވިއްޖެ ކަމަށް އިއުލާނު ކުރައްވާއި އެޚަބަރު އެންމެފުރަތަމަ ގައުމީރޭޑިޔޯ، ދިވެހިރާއްއެޖޭގެ އަޑުން ކިޔުއްވީ، 2005 ޖޫން 5 ވި އާދީއްތަ ދުވަހުގެ ހެދުނު 7 ގެ ޚަބަރުގައެވެ.

އޭޖީ އޮފީހުގެ ވެބްސައިޓަށް މިގަވާއިދު އެރުމާއެކުހެން، ހަމައެރޭގެ ވަގުތެއްގައި އެގަވާއިދުގެ ކޮޕީއެއް އެމްޑީޕީ އޮފީހަށް، އަޅުގަނޑު އަތަށް ލިބިއްޖެއެވެ. އެހެންވުމާއެކު އިރުއަރަންވާ އިރަށް، އަޅުގަނޑުމެން ތިބީ، ހޯމްމިނިސްޓްރީ އަށް ބޭނުންވާނެ ހުރިހާ ލިޔުންތަކެއް ފުރިހަމަކޮށް ނިމިގެން، މިނިސްޓްރީ ހުޅުވޭއިރަށް، ހިފައިގެން ދިއުމަށް ތައްޔާރު ވެގެންނެވެ.

ފަހެ، ދަންނާށެވެ! ގަވާއިދު އިއުލާނު ކުރެއްވުމުގައި ބޮޑެތި އޮޅުވާލުންތަކެއް ރައީސް މައުމޫނުގެ ސަރުކާރުން ގެންގުޅުނީ، އެމްޑީޕީ އަށްވުރެ އަވަހަށް ރައީސް މައުމޫނުގެޕާޓީ ޑީއާރުޕީއަށް ފޯމްތައް ހުށަހެޅުމުގެ ފުރުސަތުހޯދައި ދިނުމަށެވެ. އަދި ރާއްޖޭގައި ފުރަތަމައަށް ރަޖިސްޓްރީ ކުރެވޭ ސިޔާސީ ޕާޓީއަށް އެޕާޓީ ހަދަން ވެގެންނެވެ.

އެހެނަސް ރައީސް މައުމޫނުގެ ވިސްނުންފުޅާ އެއްގޮތަށް، އެކަންއެހެންވުމަށް ގުދްރަތުން ތަނެއް ނުދިނެވެ. ﷲގެ ރަހްމަތުގެ ހިޔާވަހިކަން، މިކަމުގައި ލިބިގެންދިޔައީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ބައިވެރިން ނަށެވެ. އަބަދުވެސް ގުދުރަތުގެ ހިޔާވަހިކަން ފޯރަމުން ގޮސްފައިހުރީ، ނިޔަތްތެދުވެރި އިހްސާންތެރި މީހުންނަށެވެ.

މިހުރިހާ ކަންތައްގަނޑެއް ހިނގާދިޔައިރު އެމްޑީޕީގެ އެންމެއިސްކޮށް ތިއްބެވި ހުރިހާބޭފުޅުން އެތަނުގައި ހާޒިރުވެ ތިއްބެވިއެވެ. ފުރިހަމަ ޖަވާބެއް ހިފައިގެންނޫނީ، ގެއަށް ނުދިއުމަށް ޢަޒުމްކަނޑަ އަޅައިގެންނެވެ. އެންމެން މިގޮތަށް ވަރަށް ފޯރީގައި އިންތިޒާރުގައި ތިއްބާގޮވާލީ، ޕާޓީއުފެއްދުމުގެ މަސައްކަތްތައް ވަގުތީގޮތުން ކުރިޔަށް ގެންދިއުމަށް ދޫކުރާ، ހުއްދަދޭ ލިޔުން ބަލާ އެތެރެއަށް ވަނުމަށެވެ.

މިރަސްމިއްޔާތަށް ވަނީ، ފާޓީގެ ލީޑަރެއްގެ ގޮތުގައި އެންމެ އިސްކޮށް ހުންނެވި ކެނެރީގޭ މުހަންމަދު ނަޝީދު އަންނިއާއި ކޮށީގޭ އަބްދުﷲ ސައީދާއި ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، އަޅުގަނޑެވެ. އަޅުގަނޑާއި އަބްދުﷲ ސައީދަކީ އަބަދުވެސް އަންނިގެ އިސްލާހީ މަސައްކަތް ތަކުގައި ފާޅުގަޔާއި ސިއްރުގައި އިދާރީގޮތުންނާއި މާއްދީގޮތުން، އެހީތެރިވެދިން ދެމީހުންނެވެ.

އަބްދުﷲ ސައީދަކީ، އެނާގެ ބުއްދިވެރި ހަރަކާތްތައް ބަންދުކޮޓަރީގައި އިނދެގެން އެންމެބޮޑު އެއްބާރުލުމެއް ހިއްސާކޮށްދެއްވި އެކަކެވެ. އަޅުގަނޑަކީ، އެންމެ މުހިންމު ވަގުތުތަކުގައި އަންނިއާއެކު މައިދާނުގައި އަމަލީގޮތުން އެހީތެރިއަކަށް އެންމެކާރީގައި ހުރިއެކަކެވެ.

މިހާރު މާމަތިހަށި ނަގައިގެން އެއުޅޭ ބޭފުންކަމުގައިވާ ޒަކީއާއި މުނައްވަރަކީ، މީގެތެރެއަށް ޖަރާސީމުންގެ ގޮތުގައި ރައީސް މައުމޫނު ފޮނުއްވި ވިހަތަކެއް ނޫންކަމުގައި އަޅުގަނޑެއް ނުދެކޭނަމެވެ. އަދިވެސް މީގެބައިވަރު މީހުން، މިހާރު މިހަރަކާތުގެ ތެރޭގައި ވިހަތަކެއްހެން ފެންނަން އެބަތިއްބެވެ.

އާދެ! 2003 އޯގަސްޓް 12/13 އަށްފަހު، ވަރަށް މަދުދުވަސް ކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ނެގުނު ރިޔާސީވޯޓުގައި، ރައީސް މައުމޫނަށް ހެޔޮހިތުން، އިއްތިފާގު ވޯޓެއް ހަދިޔާކޮށް ދެއްވައި، ރާއްޖޭގެ އިސްލާހީ ހަރަކާތަށް ގޮންޖެއްސެވި ބޭފުޅުންނަކީ ފަހެ، އެމީހުންނެވެ.

އެއްގޮތަކަށް ވެސް އެބޭފުޅުންނަކީ، އެއްގޮތެއްގެ މަތީގައި އެއްވޭނެއްގައި ބޮޑެތި އަނިޔާތަކުގައި ހިތްވަރުކޮށް ރާއްޖޭގެ އިސްލާހަށް އެހެން އެއްވެސް މާއްދީ އެދުމެއްނެތި މަސައްކަތް ކުރި މުޖާހިދުންނާ އެއްސަފުގައި އެއްވަރު ކުރެވޭނެ މީހުންނެއް ނޫނެވެ. އެދަރަޖައަށް ވާސިލެއް ނުކުރެވޭނެއެވެ. ނުވެސް ވެވޭނެއެވެ.

އެމްޑީޕީގެ ފަހަތަށް، ހިޔަލަށް ޖެހިލުމަކުން އެމީހުންގެ ހަޑިމުޑުދާރު މިލަތައް ސާފުކޮއްލަދޭ ލައްފިލުވާ ބޭހަކަށް އެމްޑީޕީ ވިޔަނުދިނުމަކީ، ދިވެހި ރައްޔިތުންގެ ވާޖިބެއްކަން އަބަދުވެސް ހަދާނުގައި ބަހައްޓަން ޖެހޭނެއެވެ. މިއީ ﷲ އަށާއި ދިވެހި ގައުމަށްޓަކައި އަޅުގަނޑު އެދޭއެދުމެކެވެ. މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ކަށިޖެހޭނީ އެއްފަހަރު ކަމަށް ހަދީސްފުޅެއްގައި ވާރިދުވެފައި އޮވެއެވެ.

އާދެ! މިކަހަލަ މައުޟޫއެއްގައި ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ތަންކޮޅަކީ، އަންނި ރާއްޖޭން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު، 2005 މާޗް 31 ވި ބުރާސްފަތި ދުވަހު، ހަމައެކަނި ގަލަން ކޮޅަކާއި ފޯމްކޮޅެއް ހިއްޕަވައިގެން މާލެ އެރުއްވިގޮތަށް އެންމެފުރަތަމަ ވެސް އަޅުގަނޑަށް ގުޅުއްވާފައި ތިމަންނާއާއެކު އަންނާށޭ މިހުރީފޯމްތަކޭ ފުރަންފަށަންވީއޭ ވިދާޅުވުމުން، އަޅުގަނޑު އޭނާ އަރިހަށް ގޮސް، އެއްވެސް ޖެހިލުމެއްނެތި އެމަސައްކަތް ފެށިގޮތަށް އެސްޖެހި ގެލެރީން އެރޭދަންވަރު ނުކުތީ، ފުރާފައިހުރި އެތައްބައިވަރު ފޯމްތަކެއް ހިފައިގެންނެވެ.

އަނެއްކާވެސް އަނެއްދުވަހު ހޭލެވުނީ އަންނިގެ ފޯނަކަށެވެ. ވިދާޅުވީ އަވަހަށް އަންނާށޭ އެމްޑީޕީއަށް އޮފީހެއް ހަދާނެ ތަނެއް ކުއްޔަށް ހޯދުމަށް ނުކުންނަން ވެއްޖެއެވެ. އަޅުގަނޑަށް އާދެވުނުއިރު އަންނި ހުންނެވީ، ކާޓޫނު ކުރެއްސެވުމުގެ މާހިރެއް ކަމުގައިވާ މިސްޓަރ އަހްމަދު އައްބާހާ އެކު ނުކުންނެވުމަށް ތައްޔާރު ވެގެންނެވެ.

ދެތިންތަނެއް ބަލައިގެން އެންމެ ކަމުދިޔައީ އިސްމަޢީލް މާހިރުގެ (މ.ގްލޯރީގެ) ގޭގެ ކަންމަތީގައި ބުރިބުރިޔަށް ހަދާފައިހުރި އިމާރާތުގެ ފުރަތަމަ ފަންގިފިލައެވެ. ކޮންމެ މީލާދީމަހަކަށް، 25000 (ފަންސަވީސްހާސް) ރުފިޔާއަށް އަނގަބަހުގެ އެއްބަސް ވުމަކަށް އައިސް ވަގުތުން ތިންމަހަށް އެޑްވާންސަށް ފައިސާ ދެއްކުމަށްފަހު، އެތަނުގެ ތަޅުދަނޑި އަތުލީއެވެ.

އެވަގުތުން ފެށިގެން އެތަޅުގަނޑި އޮންނަނީ އަޅުގަނޑު އަތުގައެވެ. ބަރާބަރަށް  އޮފީސް ހުޅުވާއި މަސައްކަތް ގަވާއިދުން ކުރަން ފެށުނީއެވެ. އަހްމަދު އައްބާހާއި އަޅުގަނޑާ ގޮސް ވަގުތީ ގޮތުން އޮފީހަށް ބޭނުންވާނެ ހުރިހާސާމާނެއް އަހްމަދު އައްބާހުގެ އަމިއްލަ ފައިސާގައި ގަތީއެވެ.

ދެދުވަހެއްގެ ތެރޭގައި އޮފީހަށް ބޭނުންވާނެ ހުރިހާސާމާނެއް ހަމަކޮށް، ރަސްމީގޮތުން ރަޖިސްޓްރާރ އަކަށް އަޅުގަނޑު ހަމަޖައްސައިފިއެވެ. އޭރު އޮންނަނީ ކަންކަން ނިންމުމަށް ވަލީކޮމެޓީއެކެވެ. ރިިޔާސަތު ބަލަހައްޓައި ދެއްވަނީ ސީދާ އަންނިއެވެ. އަންނި ނެތިއްޔާ އަހުރެމެން ތެރެއިން މީހެކެވެ. މިމަސްއޫލިއްޔަތު އަޅުގަނޑާ ހަވާލުކޮށް ނިންމެވީ ވެސް ވަލީކޮމެޓިގެ ރަސްމީ ބައްދަލު ވުމަކުންނެވެ.

އާދެ! ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ކުރެވެމުންދިޔަ މިފަދަ މަސައްކަތްތަކުގެ ހެކިތައް، ދިވެހި ޢަރުޝީފުން ފޮހެލުމަށް ރައީސް މައުމޫނާއި ދިވެހި ތާރީޚު ބަލަހައްޓާ މަރުކަޒުގެ ރައީސެއްގެ ގޮތުގައި ހުންނެވި، އޮނަރަބްލް އައްބާސް އިބްރާހީމާ ދެޅިޔަނުން، ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް މިޖީލުގެ ދިވެހިވަންތަ ފިކުރުގެ ހިތްތަކުގަޔާއި އިލެކްޓްރޯނިކްސް ފަތްފުށްތަކުގައި ތާއަބަދަށް ފޮރުވިފައިވާ އެތަކެއްޗާއި އެހަނދާންތައް ހުންނާނެކަން ކަށަވަރެވެ.

ރާއްޖޭގައި ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމަށް އެކި މަރްހަލާތަކަށް ބަހާލެވިފައި އޮންނަ މަސައްކަތްތައް ފަށައިގަތުމުގެ ވަގުތީހުއްދަ ރަޖިސްޓްރަރ އޮފް ޕޮލިޓިކަލް ޕާޓީސް ޝުޢައިބް ޔޫސުފްގެ އަތްޕުޅުން، އެކަމަށް ގާނޫނީގޮތުން ބޭނުންވާ ހުރިހާލިޔުމެއް ހަމަވުމާގުޅިގެން ދެއްވީ، 2005 ޖޫން 5 ވި އާދީއްތަ ދުވަހު މެންދުރު ވަގުތެއްގައި އެކަން އެގޮތަށް ކޮށްދިނުމަށް ސަރުކާރަށް މަޖްބޫރު ވެގެންނެވެ.

މިކަންމިގޮތަށް މަޖްބޫރުކުރުވީ، ދިވެހި ރާއްޖޭގައި އިސްލާހަށް ތާއީދުކޮށް ހަމަހިމޭން ކަމާއެކު، ހިންގުނު މުޒާހަރާތަކާއި އެކިއެކި ހަރަކާތްތަކުން ކަން ޔަގީނެވެ. މާގިނަ ދުވަސްތަކެއް ނުވެ، 2005 ޖޫން 26 ވި އާދީއްތަދުވަހު ހަވީރު މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުރަސްމީ ގަޑީގައި ހުޅުވައިގެން މަސައްކަތްކޮށް، އަޅުގަނޑަށް އެމްޑީޕީ އޮފީހަށް ފޯނުން ގުޅުއްވައި އަޅުގަނޑުމެން ތިން މުއައްސިސުން އެއޮފީހަށް ގެނެސް، ސިޔާސީޕާޓއެއްގެ ގޮތުގައި ރަސްމީކޮށް “މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ” (އެމްޑީޕ) ރަސްމީކޮށް، ރަޖިސްކޮށްދެއްވި ކަމުގެ ސެޓިފިކެޓް އަޅުގަނޑުމެން، 3 މީހުންނާ ހަވާލުކޮށްދެއްވީ އޭރުގެ މިނިސްޓަރ އޮނަރަބްލް އުމަރުޒާހިރުގެ އަތްޕުޅުންނެވެ.

އޮފީސް ބަންދުގަޑީގައި އޮފީސް ހުޅުވައިގެން މިކަންކުރެއްވީ، މީހުންނަށް ނޭންގުމުގެ މަގްސަދުގައި ކަމަށް ވިޔަސް އަންނިއާއި ސައީދާއި އަޅުގަނޑުމެން އެތަނަށް ދިޔަމަގުމަތީގައި ވަރަށް ގިނަސަޕޯޓަރުންނަށް ފޯނުކޮށް އެވާހަކަބުނުމުން ގިނަބަޔަކު އިސާހަތަކު މިނިސްޓްރީ ދޮށަށް އެއްވިއެވެ. އަދި ބިލްޑިންގް ތެރެއަށާއި މިނިސްޓްރީ ތެރެއަށް އެމްޑީޕީގެ ވަރަށް ގިނަމެންބަރުން ވަދެ، ސެޓިފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބަލާއި ފޮޓޯނަގާ ހެދިއެވެ.

އާދެ! އެފޮޓޯތަކުން މިއީ ހަމަހިމޭން މުޒާހަރާއަކުން ހޯދުނު ރަޖިސްޓްރީ އެއްކަން ހެކިވެސާބިތު ވާނެއެވެ. ރަޖިސްޓްރީ އަޅުގަނޑުމެންގެ އަތަށްލިބުނީ، އެދުވަހު އިރުއޮއްސި، 7:15 ގައެވެ.

ފަހެ، މިވަގުތު މިނިސްޓްރީ ތެރެއާއި ބޭރުގައި ގާތްގަނޑަކަށް، 200 އެއްހާ މެންބަރުން އެއްވެތިބޭނެއެވެ. މިއެންމެން އެއްއަޑުން އުފާވެރިކަމުގެ ހިނިތުންވުމާއި “މަރުހަބާއެމްޑީޕީ” ގޮވަމުން ގެންދިޔައެވެ.

ވިސްނާލަންޖެހެނީ، މިފަދަހަރަކާތެއް ރޭވިގެން ދިޔައީ ސަބަބުތަކެއް ފަހަތުގައި ހުރެގެންކަމެވެ. މީސްތަކުންގެ ހިތްތަކުގައި ފިކުރެއް އުފެއްދިފައި އޮތީމާކަމެވެ. ހަމަގައިމުވެސް މި އެންމެންނަށް ގަބޫލުކުރެވޭ ވިސްނުމެއް އޮތީމައެވެ.

މިވިސްނުން ސިޔާސީ ފިކުރަކަށް ބަދަލުވެ، ރައްޔިތުންގެ ސިޔާސީ ބާރަކަށްވެ، ސިޔާސީޕާޓީ އެއް ސިފާގައި ފަށައިގެން، ހަރަކާތްތެރި ވެވުނުގޮތަކަށް ބިމުގެ އަޑީގައިތިބެ ސިއްރާއި ފާޅުގައި ހަރަކާތްތެރި ވަމުން ގެންދެވިފައި ވާތީއެވެ.

އާދެ! ގަދަކަމުން މިހޯދުނު ރަޖިސްޓްރީގެ ނަންބަރ: 01/2005 (2005 ޖޫން 26) ފެނުމުންވެސް، ދިވެހި ތާރީޚުގައި އެންމެފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީޕާޓީ އަކަށް ވުމުގެ ފަޚުރު ލިބިގެން ދިޔައީ އެމްޑީޕީއަށް ކަމުގައި ޔަގީންވެ، ކަށަވަރުވާނެއެވެ.

ފަހެ މިއީ ރާއްޖޭގެ އިސްލާހީ ހަރަކާތަށް މަސައްކަތްކުރި މުޖާހިދުންނަށް ލިބުނު އެންމެބޮޑު ކާމިޔާބެވެ. އޭ! ﷲ އެވެ! އަޅަމެން މިކަމުގައި ޝާމިލްވި އެންމެންނަށް ހެޔޮގޮތުގެ މަތީގައި ދެމިތިބުމުގެ ސާބިތުކަން ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page