top of page

ދިވެހިގައުމު ތަޖުރިބާ ކުރަމުން މިދާ އިސްލާޙީ ހަރަކާތުގެ ފެށުމަކީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް 42 މީހުން އެއްބަސްވެ ސޮއިކުރި ކުރުމެއް ނޫނެވެ. އޭގެމާކުރިއެވެ.

  • Writer: ilyashusein
    ilyashusein
  • Oct 4, 2009
  • 21 min read

އިލްޔާސް ހުސައިން އިބްރާހީމް. ލިޔުނީ، 2006 ސެޕްޓެންބަރ ގައި

އިސްލާހީ ހަރަކާތުގެ ފެށުމާއި ފުރަތަމަ މަރުހަލާ :

ރައީސް މައުމޫނުގެ ވެރިކަމުގައި ފެށިގެން ކުރިޔަށް މިދާ އިސްލާހީހަރަކާތް ފެށުނީ، އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވިތާ ގާތްގަނޑަކަށް ދެއަހަރާ، ބައިގައެވެ. އާދެ! 1980 ގެ ފުރަތަމަ ކޮޅުގައެވެ.

އަޅުގަނޑު ގަސްދުކުރަނީ، އިސްލާހީ ހަރަކާތް ތިންބަޔަށް ބަހާލައިގެން ކުރިޔަށް ގެންދާށެވެ. ފުރަތަމަ ބައި 1980 އިން 1990 އަށެވެ. ދެވަނަބައި 1990 އިން 2000 އަށެވެ. ތިންވަނަބައި 2000 އިން ފެށިގެންނެވެ.

މިމަޒުމޫނަކީ، ރައީސް މައުމޫނުގެ ވެރިކަމުގައި ފެށުނު އިސްލާހީ ހަރަކާތް ފެށުމުގެ މަރުހަލާއާއި މެދުމަރުހަލާއާއި މަތީމަރުހަލާ ފެށުނު ހިސާބަށް ކަންތައް ހިނގާދިޔަގޮތް ދިވެހިތާރީޚަށް ތެދުވެރިވުމަށް ޓަކައި ލިޔާލިޔުމެކެވެ.

ގިނަ ޒުވާނުންނަށް ބޮޑަށް އޮޅިފައި އޮންނަނީ، ފުރަތަމަ މަރުހަލާގައި ކަންކަން ހިނގާދިޔަ ގޮތެވެ. އެހެން ވަނީ އެދުވަސްވަރުގެ ވާހަކަތައް ލިޔެވިފައި ހުރިލެއް މަދުކަމުންނެވެ. ރަސްމީކޮށް ސަރުކާރުން ލިޔަމުން ގެންދިޔައީ ސަރުކާރަށް ބޭނުންވާ ގޮތަށެވެ.

ފަހެ، މިމަސައްކަތަކީ، ޚާއްސަކޮށް ކިޔަވާކުދިންނަށް ފައިދާއަށްޓަކައި ހެޔޮނިޔަތުގައި އިޚްލާސްތެރިކަމާ އެކު އަހުރެން ކުރާ މަސައްކަތެކެވެ.

އާދެ! ސައްތައިން ސައްތަ އިސްލާމީ ދިވެހި ދައުލަތުގެ ވެރިކަން ރައީސް މައުމޫނާ ރައްޔިތުން ހަވާލުކުރީ، އާރޫހެއްގައި ތާޒާއާއުއްމީދު ތަކަކާއެކު، މުޅިން އާފެށުމަކުންނެވެ. އާރޫހެއްގައެވެ. ފޮނިމަޤުޞަދު ތަކެއް ޙާސިލު ކުރުމުގެ ފޮނި އުއްމީދުގައެވެ. މިޞްރުގެ އަޒުހަރުން އިސްލާމީ ތައުލީމު ހާސިލްކުރައްވައި ގެން ހުންނެވި ދަންނަބޭކަލަކަށް ވާތީ، ރައްޔިތުން ދެކެމުން ގެންދިޔަ ތާޒާހުވަފެން ތަކަކާއެކުގައެވެ.

ރާއްޖޭގައި އޭރުއޮތް ރައީސް ނާސިރުގެ ވެރިކަމުގެ ފަރާތުން ދީނާދުރު ކަންތައްތަކެއް ރައްޔިތުންނަށް، ފެނިފައިވުމުން ރައީސް މައުމޫނަށް ދިވެހިންގެ ހިތްތަކުގައި ވަރަށް މަތީދަރަޖައަކަށް އިހްތިރާމާއި ލޯބި އެދުވަސްވަރު އެރުވުނެވެ. ރާއްޖޭގެ ޒަމާނީތަޚުތަށް ރައީސް މައުމޫނު އުރާލާފައި ވެޑުވީ، ދިވެހި ރައްޔިތުން ހިތުންރުހި ގަބޫލުކުރުމާ އެކުގައެވެ.

ރައީސް މައުމޫނުގެ ފުރަތަމަ ފަސް އަހަރު ވެގެންދިޔައީ އޭނާގެ ވެރިކަމުގެ ރަންޒަމާނަށެވެ. ދީނަށް ގޮވާލުމުގެ ކަންތައް ރަނގަޅުމަގުން ގެންދެވިއެވެ. ރައްޔިތުންގެ ލޯބި ބޮޑުކޮށް އޮތެވެ. ރައްޔިތުންނަށް ހެޔޮނަސޭހަތް ދެއްވިއެވެ. ރައްޔިތުންގެ ރުހުން ހޯއްދެވިއެވެ. ލޯބިމިލްކު ކުރެއްވިއެވެ.

އެހެނަސް މާގިނަދުވަސް ތަކެއް ނުވެ، ތިމާގެމީހުންނާއި މިސުރުގައި އެކުގާކިޔަވަން އުޅުނު ގިނަމީހުން ވެރިކަމުގައި ބައިވެރިކޮށް ސަރުކާރު އިސްލާހު ކުރުމުގެ ނަމުގައި އޭރުއޮތް ގާނޫނު އަސާސީ އިސްލާހުކުރަން ފައްޓަވާއި ގިނަކަންތައްތައް ގެންދެވީ އަމިއްލަފުޅަށެވެ. އަމިއްލަފުޅު ވިސްނުމުގައެވެ. އެހިނދަކަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. ހުރިހާ ފައިދާއެއް އަމިއްލަފުޅަށާއި ވެރިކަމުގެ ބާރަށް އޮންނަގޮތަށެވެ.

މިކަމާގުޅިގެން ސަރުކާރު ހިނގަންފެށީ، ގާނޫނު އަސާސީން ބޭރުގައެވެ. ވެރިކަމުގެއޮޑި ދުއްވަން ފެށީ ޗާޓުން ބޭރުންނެވެ. އަމިއްލައެދުމާ އެއްގޮތަށެވެ. ރައިސް މައުމޫނަށް ފެނިވަޑައި ގަންނަވާހާ ގޮތަށެވެ.

ފަހެ، ދަންނާށެވެ! ވެރިކަމުގެ ދެވަނަ ފަސްއަހަރުގެ ކުރީކޮޅާ ހަމައަށް ވެގެންދިޔައީ، އޭނާގެ ވެރިކަމުގެ ރަންޒަމާނަށެވެ. އަދި ފަހުކޮޅުން ފެށިގެން އަދާހަމައަށް ވެސް ވެގެންދިޔައީ، ދަގަނޑު ޒަމާނަށެވެ. ގޮށްމުށުގެ ބާރަކަށެވެ. މާލަސްތަކެއްނުވެ އިސާހިތަކު އިސްތިބްދާދީ، ޚުދުމުޚްތާރު ވެރިކަމަކަށް ބަދަލުވެއްޖެއެވެ.

މީސްތަކުންގެ ނުރުހުމާއި އިދިކޮޅުހެދުމާއި ސަރުކާރު ރިފޯމްކޮށް، އިސްލާހުކުރުމަށް ގޮވާލާ، އަޑުތައް ރައްޔިތުންގެ ތެރެއިން ބަޔަކު އުފުލަން ފަށައިފިއެވެ. އާދެ! 1980 ގެ އަހަރުތަކުގެ ވަރަށް ކުރީކޮޅުގައި އިސްލާހީ މަސައްކަތް ހަރަކާތެއްގެ ގޮތުގައި ހިނގައި ގެންފިއެވެ. ފެށިއްޖެއެވެ.

ރައީސް މައުމޫނުގެ ރަންޒަމާންކަމަށް ބެލެވުނު، ފުރަތަމަ ހަތްއަހަރު ތެރޭގައި އެންމެ ފުރަތަމަ ގެއަށް ފޮނުވާލެވުނު، ޒުވާން ރިފޯމިސްޓަކީ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކެވެ. ޑޮކްޓަރ ވަހީދަކީ، ރައީސް ނާސިރުގެ ދުވަސްވަރު، ސަރުކާރުގައި އުޅުއްވަން ފެއްޓެވި، އޭރުވެސް ފާހަގަކުރެވޭ، ވަރަށް ތައުލީމީ ޒުވާނެކެވެ. ރައީސް ނާސިރަށް ކަމުދިޔަ ޝަޚުޞިއްޔަތެކެވެ.

ޑޮކްޓަރ ވަހީދަށް، ރައީސް ނާސިރު އިސްކަމެއް ދެއްވީ އެކަމާހެދިއެވެ. ރާއްޖޭގައި ޓީވީމޯލްޑިވްސް މުޅިންއަލަށް ހުޅުވަންވެގެން ރައީސް ނާސިރު އަމިއްލަފުޅަށް ގުޅުއްވައިގެން ގެންދެވީ، ޑޮކްޓަރ ވަހީދެވެ. ފަހެ، ޑޮކްޓަރ ވަހީދަކީ، ޓީވީމޯލްޑިސްގެ އެންމެފުރަތަމަ އެނައުންސަރެވެ. ޚަބަރުކިޔުން ތެރިޔާއެވެ. އަދި ދިވެހިންގެ ތެރެއިން އެންމެފުރަތަމަ ޕީއެޗްޑީ ނެންގެވުމުގެ ފަޚުރުވެރިޔާއެވެ.

އެހެނަސް ރައީސް މައުމޫނު، ސަރުކާރާ ހަވާލުވެލެއްވުމަށް ފަހު، ޑޮކްޓަރ ވަހީދަށް އެއްވެސް އެންގެވުމެއް ނެތި، ގޭގައި ބެހެއްޓެވީ ޓީވީމޯލްޑިސްއާ ބެހޭގޮތުން “ހަވީރު” ނޫހުގައި މަޒުމޫނެއް ލިޔުއްވައިގެންނެވެ. މިވާހަކަތަކަކީ، އެއްގޮތަކަށްވެސް ސަރުކާރުގެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާކޮށްގޭގައި ބަހައްޓާވަރުގެ ވާހަކަތަކެއް ނޫނެވެ. ޒުވާނެއްގެ އަމިއްލަވަންތަ ޚިޔާލެވެ. ފާޅުކުރެވުނު އޮޕީނިއަން އެކެވެ.

އެހެނަސް ކަމުގެ ހަގީގަތަށް ވުރެބޮޑަށް މިކަން ވެގެންދިޔައީ، ޒާތީ ހަސަދައަކަށެވެ. މިވެރިކަން ފެށުނުތަނާ ހެން، ޑޮކްޓަރ ވަހީދުގެ ލޮބުވެތި މަންމަ، މާބަނޑުހާލަތުގައި އަނގަމަތީ މަސްދޯންޏެއްގައި ރާއްޖެތެރެއަށް، ޓިވީބަލަން އިނދެފައި ބުނެވުނު އެއްޗަކާ ގުޅިގެން އަރުވާލެވުނެވެ. ދޯންޏަށްލީ އަލްފާޟިލް އުމަރު ޒާހިރުގެ ބެލުމުގެ ދަށުންނެވެ. އެކަން ހިނގީ މައްޗަންގޯޅިއަށް ނިސްބަތްވާ ކަލޭފާނެއްގެ އަނބިކަނބަލުންގެ ރިޕޯޓަކަށެވެ.

ފަހެ، ދަންނާށެވެ! މިކަންކަން ވެގެންދިޔައީ ރައީސް މައުމޫނު ދައުރުގައި ފެށުނު އިސްލާހީ ހަރަކާތުގެ ފެށުމެވެ. ބިންގަލެވެ. އެހިސާބުން ފެށިގެން، ރައީސް މައުމޫނު ސަރުކާރުތެރޭގައި ހުޅަގުން ކިޔަވައިގެން ތިބި، ޑޮކްޓަރ ވަހީދަށް ތަބާވާ ބަޔަކުގެންދެވީ، ސަރުކާރުގައި ތިބެގެން ސަރުކާރަށް ފާޑުކިޔާއި އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އޭރު ފެށިފައި އޮތް ޚާއްސަ މަޖިލީހުގެ ތެރޭގައި މިގްރޫޕުން ބަޔަކާއި ޑޮކްޓަރ ވަހީދު އައި ގުޅިގެން، ސަރުކާރު ރިފޯމް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ގެންދިޔައެވެ. ގިނަ ބިލްތަކެއް މިގުރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް ހުށައެޅިއެވެ.

އެހެނަސް އެއިން އެއްވެސް ކަމެއް ފުރިހަމައަށް، ކާމިޔާބުވިޔަ ނުދީ މަޖިލީހުގެ އަރުޝީފުގެ ތެރެއަށް ގެއްލުވާލީ، އޭރު އެމަޖިލީހުގެ ރިޔާސަތުގައި އިންނެވި ޚުދުމުޚްތާރު މަޖިލީހުގެ ރައީސް އަލްއުސްތާޒު އަބްދުﷲ ހަމީދެވެ. މިމަޒުމޫނަކީ، މިކަމާގުޅިގެން ހިންގުނުހުރިހާ ވާހަކަތައް ލިޔަންއޮތް އެންމެ މުނާސިބު ވަގުތުކަމުގައި ނުދެކެމެވެ.

ފަހެ، ދަންނާށެވެ! 1988 ވަނައަހަރާ ހަމައަށް ދިޔައިރު ރައީސް މައުމޫނުގެ ސަރުކާރު އިންގިލާބުކޮށް ލުމަށް ދިވެހީންގެ ތެރެއިން ބަޔަކު ނުކުމެ، ލަންކާ ތަމަޅާއިންގެ ބަޔަކާގުޅިގެން ވަރުގަދަ ހަމަލާއެއް މާލެއަށް ދިނެވެ. ބާރަގަޑިއިރަށް ރާއްޖޭގެ ވެރިކަމުގެ ބާރު ގެއްލިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތު އެވަގުތަށް ނެތިދިޔައެވެ.

އެހެނަސް އެމުސީބާތުން ދިވެހިންނާއި ދިވެހީންގެ ވެރިކަންވަނީ، ﷲގެ ހެޔޮރަހުމަތުން ސަލާމަތްވެ، ރައްކާތެރި ވެފައެވެ. މިއީ ކޮންމެވެސް ދުވަހަކުން ރައްޔިތުންގެ މަޖިލީހުން އިތުރަށް ތަހުގީގުކޮށް، ބަލަންޖެހޭ ގޮތަށް ސަރުކާރުން ފޮރުވާއި ފަސްއަޅާފައި އޮތްކަމެކެވެ. ގިނަ ސިއްރިތަކެއް ވަނީ ހާމަ ނުކޮށް ސިއްރުކޮށްފައެވެ. މިހަމަލާގެ ބިއްދަށުގައި ރައްޔިތުންނަށް އެނގެންޖެހޭ އެތައްކަންތަކެއް ފޮރުވިފައި އެބަހުރިކަން ކަށަވަރެވެ.

އާދެ ރައީސް މައުމޫނު ވެރިކަމަށް ހުވާކުރެއްވުމަށް ފަހު، ވެރިކަމުގައި ސާބިތުވެ ދެމި ހުންނެވުމަށް ޓަކައި ބޮޑުބަޣާވާތެއް އަމިއްލައަށް އީޖާދު ކުރައްވައިގެން ސިޔާސީ ކުޅިގަނޑެއް ކުޅުއްވިއެވެ. ހުވާކުރެއްވިރޭ އަންބޮނޑީގައި ފިސްތޯލައެއް ގެންގުޅުއްވީވެސް މިކަހަލަ ބޭނުމެއްގައެވެ.

އެބަޣާވާތަކީ، ކުރީގެ ރައީސް ނާސިރުގެ އިސްތަށިފުޅުގައި އަޅުވައިގެން ހިންގެވި ކަންތައްގަނޑެކެވެ. މިއީ ހަގީގަތުގައި ރައީސް ނާސިރު ހިންގެވިކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެހެންވެ މިވާހަކަތައް ނުގެނެސް ތިނެއް ނޮވެންބަރުގެ ވާހަކައިން ފެށީއެވެ.

ދެންފަހެ، ދަންނާށެވެ! އިސްލާޙީ ހަރަކާތް ތަކުގެ ރޫހާއި ލެއަށް ހޫނުކަމާއި ތާޒާކަން ލިބިގެންދަނީ އެންމެހާ ރައްޔިތުންގެ ހިއްސާ ފުރިހަމައަށް ލިބިގެން ފެށޭ ފެށުމުންނެވެ. ފުރިހަމަ ބާރަކަށް ވަނީ އެހެން ވާތީއެވެ. ދިވެހިން ތެރޭގައި މިފެށުނު އިސްލާހީ ހަރަކާތަށް ރޫހުލިބި، ބާރަކަށްވެ، އެހަރަކާތަށް ހޫނުކަން އައިސް ތާޒާވަމުން ދިޔައީ ވަރަށްބާރަށެވެ. ރާއްޖެއިންނާއި ރާއްޖޭގެ ބޭރުން އެކަންދިޔައީ ފެންނަމުންނެވެ.

އާދެ! ދިވެހިން، ދިވެހި ދައުލަތް ހިންގުން މައުމޫނު އަބްދުލް ޤައްޔޫމާ ހަވާލުކުރީ، ރައްޔިތުންގެ ކުރިމަތީގައި ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންނެވި ވައުދުތަކެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ އިޖްތިމާއީ އެއްބަސްވުމެއް، މެނިފެސްޓޯއެއް ރައްޔިތުންނަށް ހުށަހަޅުއްވައިގެން، ވާދަވެރި ސިޔާސީ ރޭހެއްގެ ތެރޭގައި ވަޢުދުތަކެއް ވެވަޑައިގެނެއް ނޫނެވެ.

ފަހެ، ﷲއަށް، ގަންދެއްވާ ކަށަވަރު ކުރެއްވި ހުވަޔަކީ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ހައްގުތަކާއި ސިޔާސީ ކަންތައްތަކާއި ދިރިއުޅުމުގެ ހުރިހާކަންތަކެއް ރައްކާތެރިކޮށް ފުރިހަމަ ކޮށްދެއްވާއި ގައުމަށް ފުރިހަމަ ގޮތުގައި އިޚްލާސް ތެރިކަން އަދާކޮށް ދޭނެ ކަމުގެ ފޮނި އުއްމީދެވެ.

މިއީ ދިވެހިން އެމަނިކުފާނު ބަލައިގަތް ގޮތެވެ. ފަހެ، މިހެންވީ، ދިވެހި ރައްޔިތުން، ލީޑަރެއްގެ ގޮތުގައި ލޯބިން ބަލައިގަނެ ގަބޫލުކުރާ ފެންވަރަށް، އެމަނިކުފާނުގެ ވިސްނުންފުޅު އޭރު ހުޅުވިފައި ހުރީމައެވެ. މިސްރުގެ އިލްމުވެރިއަކަށް ވާތީއެވެ.

އެހެނަސް އިސާހިތަކު ރައްޔިތުންގެ މިފޮނި ހުވަފެންތަކާއި އުއްމީދުތައް ހަދާން ނައްތާލައްވާއި ވެރިކަމުގައި، ބާރާއި ނުފޫޒު ގަދަކުރުމުގެ ބޮޑެތި ޚިޔާނާތްތަކުގެ އޮޅުވާލުންތައް ސަރުކާރު ތެރޭގައި ފެށިއްޖެއެވެ. ތިމާގެމީހުންނަށާއި އެކުވެރިންނަށް މަތީމަގާމުތައް ދީގެން ނާޖާއިޒު ފައިދާތައް ނަގަން ފަށައިފިއެވެ. ރައްޔިތުންގެ ބިންތަކާއި ފަޅުރަށްތައް ގާތްމީހުންނަށް ބަހަންފަށައިފިއެވެ. ހަމައާއި އިންސާފު ގެއްލިއްޖެއެވެ. އިޖްތިމާޢީ އަދާލަތު ގެއްލިއްޖެއެވެ. ރައްޔިތުންނަށް ސީދާގޮތުގައި އަނިޔާލިބެން ފަށައިފިއެވެ. ޖަލަށް ގެންދެވޭ މީހުން ގެއްލެންފަށައިފިއެވެ.

ފަހެ، މިހާރު ތަޖުރިބާ ކުރެވެމުން މިދާ، އިސްލާހީ ހަރަކާތުގެ ފެށުން ވުޖޫދަށް އުފަންވީ މިދަންނަވާ ގޮތަށެވެ. މިހަމަތަކުގެ މަތީންނެވެ. މިދެންނެވި ސަބަބުތަކާ ހެދިއެވެ. ރައީސް މައުމޫނު ރައްޔިތުންނަށް އަނިޔާވެރިވެ، ރައްޔިތުންގެ އެދުން ތަކުގައި ކޮޅުފައިން ޖެއްސެވުމުންނެވެ. ޝަޚުޞީ ޚުދްމުޚްތާރު ވެރިކަމެއް ފެއްޓެވުމުންނެވެ. ފަރުދީބާރުތަކެއް ބޭނުން ކުރެއްވު މުންނެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ނެގުނު ރައްޔިތުންގެ ޙާއްޞަމަޖުލީހާއި ރައްޔިތުންގެ މަޖުލީހުގެ ބާރުކަޑުވާލައި ރައްޔިތުންގެ ރޫހު މަރާލުމުންނެވެ. ދެމަޖިލީހުގައި ވެސް ރައީސްމައުމޫނުގެ ބާރު ވަރުގަދަކޮށް ހިންގެވުމުންނެވެ. މެމްބަރުންގެ އަމިއްލަ ފައުޖެއް ގެންގުޅުއްވުމެވެ.

އަބަދުވެސް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، ހުރިހާ ވެރިކަމެއްގައި ވެސް، އިސްލާހީ ހަރަކާތްތައް މޫލާވަރުގަދަވެ، ހަރަކާތެއްގެ ގޮތުގައި ފެށޭހިސާބު ފާހަގަ ކުރެވެނީ މިގޮތަށެވެ. ވެރިމީހާ، ރައްޔިތުންގެ މައްޗަށް ގަދަފަދަވެ މުސްތަބިއްދު ވާންފެށުމުންނެވެ. އަނިޔާވެރިވާން ފެށުމުންނެވެ.

ފަހެ، ދަންނާށެވެ! ދިވެހިރާއްޖޭގައި ވެސް އިސްލާހީ ހަރަކާތް ފެށުނީ، ހަމަމިބީދައިންނެވެ. ރައީސް މައުމޫނު އޭނާ ކުރެއްވި ހުވަޔާ ހިލާފައް ރައްޔިތުންނަށް ޚިޔާނާތްތެރިވެ އޮޅުވާލައްވަން ފެއްޓެވުމުންނެވެ. ދުނިޔެ ގަބޫލުކުރާ ފަލްސަފާ ވެރިންގެ ފެންވަރަށް އުގެނިގެން، ޕީއެޗްޑީ ނަންގަވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިލްމްވެރިންގެ ތެރެއިން ކެރިވަޑައިގެންނެވި ބޭފުޅުން ރައީސް މައުމޫނުގެ ހުދުމުހުތާރު ގޮތްތަކާ ދެކޮޅަށް 1980 ވަނައަހަރުގެ ފުރަތަމަ އަހަރުތަކުގައި، ފާޅުކޮށް އަޑު އުފުއްލަވަން ފައްޓަވައިފިއެވެ.

ސިއްރުގަޔާއި ފާޅުގައި މަސައްކަތްތަކެއް އެގޮތުން ކުރައްވައިފިއެވެ. އެއީ އިސްލާހީ ކުޑަގުރޫޕެކެވެ. ރައްޔިތުންނަށް އަލިމަގު ދަށްކައިދީ، ބޮޑުމަޖްލީހާއި ރައްޔިތުންގެ މަޖްލީހުގައި ޚިދުމަތްތަކެއް ކޮށްދެއްވައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި، ސަރުކާރުގެ ވަށްމޭޒު ބައްދަލުވުންތަކާއި ބޮޑެތި މަހާސިންތާ ތަކުގައި އިސްލާހުގެ އަޑުތައް އުފުލައިފިއެވެ. ބައެއް ކަންތައްތަކަށް ރަނގަޅު ކުލަޖެހި އަމަލީސިފަ ގެނެވުނެވެ. ރަނގަޅުކަންތައް ފެނިގެން ދިޔައެވެ.

ގާނޫނުލް އުގޫބާތުގައިއޮތް އެންމެ ލާއިންސާނީ، ގޮތްކުޑަ މާއްދާއަށް ޚާއްސަ މަޖްލިސް، ބޮޑުމަޖްލީހުން ބަދަލުގެނެސް ފިއެވެ. އެއީ، ގާނޫނުލް އުގޫބާތުގެ، 38 ވަނަމާއްދާއެވެ. މިމާއްދާ އޮންނަގޮތުން ވަރަށްފަސޭހައިން ރައްޔިތުން ކުށްވެރިވެއެވެ. އަދި ޖަލަށްލައެވެ.

ރައީސް މައުމޫނުގެ ސަރުކާރުން ދެކޮޅުހަދަހަދާ އޮއްވާ މިމާއްދާގެ އިސްލާހު ފާސްވުމަކީ، އެފަދަ އިސްތިބްދާދީ ޒަމާނެއްގައި ދިވެހިރިފޯމިސްޓުންނަށް، އާދެ އިސްލާހީހަރަކާތުގައި ތިބި ބަތޮލުންނަށް ލިބުނު ވަރަށް ކުލަގަދަ ކާމިޔާބެކެވެ. ބޮޑުނަސްރެކެވެ. އެދުވަހުގެ ޖަލްސާ އަޑުއަހަން އަޅުގަނޑު ގޮސް އިނީމެވެ.

އެއީ ޚާއްސަ މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފަހަރަށް ރިފޯމިސްޓުންނަށް ކާމިޔާބު ލިބުނުދުވަހެވެ. ގާނޫނުލް ޢުޤޫބާތުގައި، 38 ވަނަ މާއްދާ އޮތްގޮތް ކިޔާލެއްވުމަށް މިތާގައި ގެނެސްދޭނަމެވެ.

“ދިވެއްސެއް ނުވަތަ ބިދޭސީއެއް ނަމަވެސް ކުރާ އިޝާރާތަކުން، ކިޔާއެއްޗަކުން ނުވަތަ އެހެންވެސް ގޮތަކުން ދިވެއްސެއްގެ ނުވަތަ ދިވެހިންގެ ބައެއްގެ ހިތުގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު، ފިތުނައެއް، ނުވަތަ ރުޅިވެރިކަމެއް އަދި ނުކިޔަމަންތެރި ކަމެއްވިޔަސް އުފައްދައިފި މީހަކަށް ލިބޭ އަދަބަކީ، 3 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ނުވަތަ އަރުވާލުމެވެ. މިފަދަ ކަމެއް ކުރުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް މިއެވެ. ނަމަވެސް މިކުށުގެ މައުލޫމާތު ސިއްރުކޮށްފި ނުވަތަ އެހީވެދީފި މީހެއްގެ އަދަބަކީ، 5 އަހަރަށްވުރެން ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.”

އާދެ! ހަމައެހެންމެ، އިސްލާހީ ހަރަކާތުގެ މަސައްކަތުން ޒުވާނުންގެ މަރުކަޒެއް ސަރުކާރުން ގާއިމު ކުރެވުނެވެ. ދީނީކަންކަމަށް އެންމެ މަތީ މަޖިލީހެއް އުފެއްދެވިއެވެ. މިދެމުއައްސަސާ އަކީ، ޑޮކްޓަރ ވަހީދުމެން ގުރޫޕުގެ ފިކުރުން ރައީސްމައުމޫނު އުފެއްދެވި އިދާރީ މުއައްސަސާތަކެވެ.

އަތޮޅުތަކަށް ބަދަލުގެންނަން ފެށުމުގެ ގޮތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ތަކެއެއް ފެށުނެވެ. އަތޮޅުވެރިންނާއި ކަތީބުންނަށް ކިޔަވައިދޭން ފެށުނެވެ. ކޯސްތަކެއް ހިންގުނެވެ. ބައިވަރު ކަތީބުންނަށް ތަމްރީނު ދެވުނެވެ. އެޓޯލްސް އެޑްވައިޒަރީ ބޯޑެއް އުފެއްދެވިއެވެ. އަސާސީތައުލީމު ފެއްޓެވިއެވެ. މިއީވެސް ޚުދު ޑޮކްޓަރ ވަހީދު އިސްކޮށް ހުންނަވައިގެން ހުށަހެޅުއްވި ކަންތަކެވެ.

މިގޮތުން ސަރުކާރުން އުފެއްދެވި ކްލާސްތަކުގައި އަމަލީގޮތުން ޑޮކްޓަރ ވަހީދު ކިޔަވައި ދެއްވިއެވެ. އަދި، ތައުލީމީ ނިޒާމުގެ ތެރެއަށް އާމުގައްރަރު ތަކެއްވެސް ފަރުމާކޮށް، އެކުލަވާ ލެވުނެވެ. ޖޫނިޔަރ ސްކޫލް ސެޓިފިކެޓް އުވާލައްވާއި ޖީސީއީގެ ލެވަލްތައް ހަރުދަނާ ކުރެއްވިއެވެ.

ސްކޫލްތަކުގެ ދަރިވަރުން، އެކުދިންގެ ގެތަކާ ކާރި ސްކޫލްތަކަށް ބަހާލެއްވިއެވެ. ފުރަތަމަ ފަހަރަށް ކޮމްޕިއުޓަރު ސިސްޓަމަކުން އެމަސައްކަތް ކުރެވުނެވެ. މިކަންތައް ވެގެންދިޔައީ މާލޭގެ ރައްޔިތުންނަށް ވަރަށް ފަސޭހަވެގެން ދިޔަކަމަކަށެވެ. ޚާއްސަކޮށް ބެލެނިވެރީންނަށެވެ.

ފަހެ، މިހުރިހާ ކަންކަމެއްގެ މުގުލުގައި ހުންނެވީ، ޑޮކްޓަރ ވަހީދައި އޭނާއާއކު ތިއްބެވި އިސްލާހީ ހަރަކާތުގެ އަމަލީ ބައިވެރިން ކަމުގައިވާ ރާއްޖޭގައި ފުރަތަމަ އުފެދުނު ރިފޯމިސްޓުންނެވެ. ސަރުކާރަށް މިދެންނެވި ލަފާތައް އެރުވީ ޚުދު ޑޮކްޓަރ ވަހީދެވެ. މިގޮތަށް ކުރެވުނު ބައެއްކަންތައް ސަރުކާރުން ހިންގެވީ، ހަމައެކަނި ނަމެއްގައެވެ. މީގެތެރެއިން ގިނަކަންތައް ދިޔައީ، ވެރިކަމުގެ އަމިއްލަ އެދުމުގެ ދަހިވެތިކަމުގައި ބޭކާރުވެ، ފަނު ފުލުންނެވެ. ރައްޔިތުންނަށް ކުރަންވީ ފައިދާތައް ނުކޮށެވެ. ވެގެން ދިޔައީ ދައްކާލަން ކުރެވުނު ވަގުތީ ޒީނަތްތެރި ކަމަކަށެވެ. ރީތި އަނދުން އަޅުވާލުމަކަށެވެ. ގަދަދަޅައަކަށެވެ. ޒީނަތްތެރި ކުރުމަކަށެވެ.

މިދެންނެވީ، އިސްލާހީ ހަރަކާތުގެ އެންމެ ކުރީކޮޅުގައި ހިންމަތާއެކު ދިވެހިދަރީން ތަކެއްކުރި ބުރަ އިސްލާހީ މަސައްކަތުގެ ވާހަކަތަކެވެ. އަނިޔާވެރި ޚުދްމުޚްތާރު އިސްތިބްދާދީ ސަރުކާރެއްގެ ތެރޭގައި ތިބެގެން މިގޮތަށް މަސައްކަތް ކުރެވޭނީ ބިރު ކުޑަވެގެންނެވެ. ނުލާހިކު ކެރިގެންނެވެ. ޖެހިލުން ނުވާތީއެވެ.

އިސްލާހީ ހަރަކާތުގެ މެދު މަރުހަލާ :

ފަހެ، ދަންނާށެވެ! އިސްލާހީ ހަރަކާތުގެ އިބްތިދާއީ (ފެށުމުގެ) މަރުހަލާ ކަޑައްތުކޮށް ސާނަވީ (މެދު) މަރުހަލާ ކަމުގައިވާ ނޫސްވެރިކަމާއި ލިޔުންތެރި ކަމާ ހަމަޔަށް މިގޮތެއްގައި އޮވެގެން ގިރާކޮށްފިއެވެ. މިދުވަސްވަރަކީ، މަޖައްލާތައް ރަޖިސްޓްރީކޮށް އިސްލާހީ މަރުހަލާ، ލިޔުންތެރި ކަމުގެ ތެރެއަށް ވަތްދުވަސްވަރެވެ.

ފަހެ، މިމަރުހަލާއަކީ، 1990 އިން ފެށިގެން 2000 ވަނައަހަރަށެވެ. 1988 ވަނަ އަހަރުގެ ތިނެއް ނޮވެންބަރުގެ ކަންތައްގަނޑު ނިމި، 1990 ވަނައަހަރު ލައިގަތީ، ރާއްޖޭގައި ފުރަތަމަފަހަރަށް ސާކުސަމިޓެއް ބޭއްވުމުގެ ތައްޔާރީތަކުގެ ތެރޭގައެވެ. އެސަމިޓް ބޭއްވީ އެއަހަރުގެ ފަހު ކޮޅުގައެވެ. އަޅުގަނޑަކީ، މިސަމިޓަށް މާލެ ތައްޔާރު ކުރުމަށްނެގި ޓާސްކްފޯހުގައި ހިމެނުނު މީހެކެވެ. އޭރު އަޅުގަނޑު ވަޒީފާ އަދާކުރަނީ، އިސްލާމީ މަރުކަޒުގައެވެ.

އާދެ! މިއީ ތޮށިގަނޑު ފަޅާލާފައި ނޫސްވެރިނަށް ބޭރަށް ނުކުމެ އާންމުވެ ގެންދިޔަ ދުވަސްވަރެވެ. ސަންގު، ހުކުރު، މަންތިރި، ފަދަ މަޖައްލާތައް ނެރެންފެށި ދުވަސްވަރެވެ. ޓާސްކްފޯހުގެ ތެރޭގައި ވަރަށް ހީވާގިކޮށް އަހުރެން އުޅެމުން ގެންދިޔައިމެވެ.

އެހެނަސް މާގިނަދުވަހެއް ނުވަނީސް އެއްރޭ ދަންވަރު ފުލުހުންގެ ޖަމާއަތެއް ގެއަށް އައިސް އަހުރެން ނަގައިގެން ވޭލަރަކަށް އަރުވައިގެން ދޫނިދޫޖަލަށް ގެންގޮސް ދޫނިދޫ ޖަލުގެ އެއްނަންބަރު ކުޑަގޮޅީގައި އަހުރެން ބަންދުކޮށްފިއެވެ. ސިފައިންގެ ޖީޕެއް މާދުރުގައި ޕާކްކޮށް ގެއަށް ބަލާއައިސް ހުންނެވީ، މިހާރުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ، ދޮންޖޭމު އުމަރު ނަސީރެވެ.

ނިދާގަޑިއަށް ވީމާ، ލައިގެންހުރި މުންޑު ބަދަލުކޮށްލަން އެދުނީމާ، ހަރުކަށިކަމާ އެކު އުމަރު ވިދާޅުވީ، ހުރިގޮތަށް އަވަހަށް ޖީޕަށް އަރަންވީއެވެ. މިއައި ސިފައިންގެއިން، އިލްޔާސް ބަލާއެވެ. އިލްޔާސް ގެންދާށެވެ. އަވަސް ކުރާށެވެ.

އޭރު ޖީޕުއޮތީ ޖަވާހިރުވާދީ ކުރިމަތީގައެވެ. ޖަލަށް ގެންދިޔައީ، “ސަންގު” މަޖައްލާއަށް ފަހު، އަޅުގަނޑުގެ މަސްއޫލު ވެރިކަމުގައި، އަޅުގަނޑު ނެރެންފެށި “މަންތިރި” މަޖައްލާގައި، 1988 ނޮވެންބަރ 3 ގެ ހަމަލާއާ ގުޅޭގޮތުން އަޅުގަނޑު ލިޔުނު މަޒްމޫނެއްގެ ކަންތަކާއި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތާގުޅިގެން އިލްޔާސް/ސަޓޯ ގެ މަޝްހޫރު ކެސެޓްރޯލްގެ މައްސަލައާ ގުޅިގެންނެވެ.

އަޅުގަނޑުގެ މަޒްމޫނުގައި އަލިއަޅުވާލާފައި ވާނީ، ތިނެއް ނޮވެންބަރުގެ ވަރުގަދަ ހަމަލާ މިހާރު މިއޮތްގޮތަށް ދިވެހި ތާރީޚުގެ ތެރެއަށްވަދެ، ވަޅުޖެހި ނިމިގެން ދާނީތޯއެވެ؟ ނުވަތަ އެހާދިސާ ބަޔަކު ނުކުމެ ތަހްގީގު ކުރާނެތޯއެވެ؟؟ އަދި މަޝްހޫރު ކެސެޓްރޯލަކީ، އެފްޕީއައިޑީ މައްސަލާގައި މާކުން އަބްދުއްސައްތާރު (ސަޓޯ) ދޫނިދޫ ޖަލުގައި ހެރެގެން ސިފައިންގެ މީހެއްގެ އެހީގައި އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމް އާ ކޯދުލެސްފޯނުންދެއްކި، ވާހަކަތައް ރެކޯޑް ކޮށްފައިވާ ރޯލެވެ.

މިރޯލު މުޅިމާލެތެރެއަށް ފަޅާއަރުވާލި މީހަކީ، ސީދާއަހުރެންނެވެ. އެކަން ހިނގީ އަހުރެންގެ ވިސްނުމުންނެވެ. ދުއިސައްތަ ވަރަކަށް ކޮޕީހަދާފައި އެއްރޭ ތެރޭގައި އެތަންމިތަނަށް ބަހާލީމެވެ. ބައެއް ވަޒީރުންގެ ގެއަށް އުކާ ވެސް ހެދީމެވެ. ކަންވޮށިގެންވާ ދޮށީއުމުރުގެ ރަށްވެހީންނަށް ދީވެސް ހެދީމެވެ. ފަހެ، ޖަލުގެ ކުޑަގޮޅީގައި މާގިނަ ދުވަސްތަކެއް ނުވެއުޅެނިކޮށް، ދެން ފެނުނީ، އަންނިއާއި ބޮޑުސައްޕެއާއި ރިފޯމް ހަރަކާތުގައި، ސަންގު ނޫހުގައި ލިޔުއްވި މީހުންނާއި އިސްލާހީ ހަރަކާތުގައި އިސްވެ އުޅުއްވި ވަރަށް ގިނަމީހުން ދޫނިދޫއަށް ގެނެސް ކުދިގޮޅިތަކުގައި ބަންދުކުރިތަނެވެ.

ބޮޑުސައްޕެހުރީ ބޮލާއި ދެއަތް ބެންޑޭޖް ކޮށްފައެވެ. ފަހުން އެނގުނުގޮތުގައި އެއީ، އޭގެ ދެދުވަހެއް ކުރީން، މާލޭގައި ހިންގި އެކްސިޑެންޓެއްގައި ލިބިފައިވާ ގެއްލުންތަކެއް ކަމެވެ. މިމީހުންގެ ތެރޭގައި އަޅުގަނޑުގެ އެއްބަޑު އެއްބަފާ ހަތަރު ކޮއްކޮއިން ވެސް ހިމެނުނެވެ. މިއެންމެން އެކިގޮޅިތަކަށް ބަހާލީ، އަޅުގަނޑަށް ފެންނަގޮތަށެވެ. އެކަންކުރީ ކޮއްކޮމެން ދައްކާލުމުގެ ބޭނުމުގައެވެ. ނަފްސާނީގޮތުން އަނިޔާކުރުމުގެ ބޭނުމުގައެވެ.

މިވެރިން ގެނައުމުގެ ދެތިން ހަތަރު ދުވަހެއް ކުރީގައި މާލޭގެ ދެތަނެއްގައި ބަޑިބޭސް ދަޅުގަނޑަކަށް އަޅައިގެން ތައްޔާރުކޮށް، އުފައްދާފައިވާ ދޭއްޗެއް (ކަޓޫރަބޮން) ގޮއްވާލެވުނެވެ. ދެތިން ދުވަހެއްގެ ތެރޭގައި އަންނިވެސް ޖަލުންފެނިއްޖެއެވެ.

މިގުރޫޕަކީ ސިޔާސީ ދަރިވަރުން ގޮތުގައި އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އުޅުނު އެންމެންނެވެ. މިހިސާބުން ޖަލުގައި އަހުރެމެން އިސްލާހީ ހަރަކާތުގެ އެންމެން ހަމަވީއެވެ.

ކަޓޫރަބޮން ތައްޔާރުކުރުން:

ތިންހާސް އަލިފާންދަނޑީގެ ބަޑިބޭސް ބޭނުންކޮށްގެން އުފެއްދި ކަޓޫރަ ބޮންގޮއްވާލި ކަންތަކުގައި އަޅުގަނޑުމެން އެންމެންނާ ޖަލުގައި ސުވާލުކުރަން ފަށައިފިއެވެ. ވަރަށް އަނިޔާވެރި، ބޮޑު ތަހުގީގެއް ފަށައިފިއެވެ. ރެއާއި ދުވާލު ސިފައިން ފުލްކިޓުގައި ތިބެގެން ހިންގަމުން ގެންދިޔަ ބޮޑު ތަހުގީގެކެވެ.

އޭކޭ 47 ގެ ބަޑިވެސް މިވެރިން ކުރީކޮޅުގައި ގެންގުޅުނެވެ. ބިޑިއަޅުވާފައި ކުޑަގޮޅީގައި ބާއްވާފައި އޮންނައިރު ވެސް ފޯރިމަރަމުން ގެންދިޔައީ، ބަޑީގެ ބޭނުން ހިފަމުންނެވެ. ބަޑިއާއެކު ކުޑަގޮޅިތައް، ފޯރިމެރުން ބަދަލުކުރީ އަޅުގަނޑާއި އަންނި މައްސަލަ ޖައްސައިގެންނެވެ. ހީވަނީ މިކަމަކީ، ބިރުދައްކަން ކުރާކަމެއްހެނެވެ.

އަނދަގޮޑި ޖެހުމާއި ޗޭނުޖެހުމާއި އެއްހުޅުބިޑި އެޅުވުމާއި ކީސްބިޑިއެޅުވުމާއި ޗޭނުކޮޅުލީ ބިޑިއެޅުވުން އަނިޔާވެރި ގޮތްގޮތަށް ކުރިޔަށް ގެންދިޔައެވެ. އަނދަގޮޑީގައި، ބޯ ޖެހުމާގާތަށް ޗޭނުވާން ކުރާ ފަހަރުވެސް އާދެއެވެ. އެއީ ސުވާލު ކުރުމުގެ ތެރޭގައެވެ. ގުދުކޮށްފައި، ކަނާއަތުފަޔާއި ވާއަތާއެކު، ބިޑިއަޅުވާފަހަރު ވެސް އާދެއެވެ.

ފެންވަރުވަނީ ހުކުރު ދުވަހުއެކަންޏެވެ. މުޅިގައިން ދުވާނީ، ހީސިވަހާއި ސީވަސް އެކުވީމައި ދުވާ ކުނި ވަސްގަނޑެވެ. ދެތާނގީ ގުޅުވައިގެން ހާދާފައި ހުންނަ ވަޅަކާއި ފަންފުޅަފަކުން ނިވާކޮށް ފައިހުންނަ ގިފިއްޔެއް ދާނިން ބޮލަށް ފެންއަޅާގޮތަށް ތިރިތައްޓަކާއެކު، ވަގުތީގޮތުން ހަދާފައި ހުރެއެވެ. ފެންވަރުމާ ހުރިހާކަމަކަށް ދެނީ، އެންމެ ވިހި މިނިޓެވެ. ބިޑިތައް ވެސް ސާފުކުރަނީ މިވަގުތު ކޮޅުގައެވެ.

ފެންވަރާ ނިމުމުން ބިޑިއަޅުވާފައި ގެންގޮސް އަނެއްކާވެސް ލަނީ ކުޑަގޮޅިއަށެވެ. ނެރެނީ ފަހަރަކު މީހެކެވެ. މިގޮޅިތަކަކީ ވެސް ވަގުތީގޮތުން ހަދާފައިހުރި ތިންފޫޓު ހަފޫޓުގެ ޓިނުކޮޅިތަކެކެވެ. ފަތިހު ފިނިއިރު އެހާ ފިންޏެވެ. މެންދުރުހޫނުއިރު އެހާ ހޫނުވެއެވެ. ވިއްސާރައިރު އަދި މާފިނިގަދައެވެ. އަޅުގަނޑާއި އަންނިއާ ދެމީހުންނާ ކުރާ ސުވާލަކީ، ސަލްޓަންޕާކުގައި ކަޓޫރަ ގޮއްވާލި ކަން އެނގޭނެ ކަމުގެ ސުވާލުތަކެވެ.

އެއީ، ތިޔަދެމީނުން ބުނެގެން ހިންގިކަމެކެވެ. ގޮއްވާލި އެއްޗެކެވެ. ﷲ ގަންދީ ދަންނަވަން އޮތީ، ހަގީގަތުގައި ވެސް އެކަމެއް އަޅުގަނޑަކަށް ނޭގެއެވެ. އެތަކެތި ހެދިއިރުވެސް އަދި ގޮއްވާލި އިރުވެސް އަޅުގަނޑު ހުރީ ދޫނިދޫ ޖަލުގައެވެ.

ފުރަތަމަ، 45 ދުވަސް ހަމަކޮށްފައި، 24 ގަޑިއިރަށް ގެއަށް ގެންދިޔައެވެ. އަދި ދެވަނަ، 45 ދުވަސް ހަމަކޮށްފައި ވެސް، 24 ގަޑިއިރަށް ގެއަށް ގެންދިޔައެވެ. ފުރަތަމަ، 45 ދުވަހަކީ، ކެސެޓްރޯލްގެ ތަހުގީގަށް ގެންގުޅުނު ދުވަސްތަކެވެ. ދެވަނަ، 45 ދުވަހަކީ، މަންތިރި މައްސަލައިގެ ތަހުގީގުގައި ގެންގުޅުނު ދުވަސްތަކެވެ.

ހީވަނީ ހުކުމެއްނެތި ޖަލުގައި، 45 ދުވަހަށްވުރެ ގިނައިން ނުބަހައްޓާ އުސޫލެއް އެދުވަސްވަރު ގެންގުޅެނީހެނެވެ. ދެން މާމާ މާބޮޑަށް ބަލިވެގެން ގެއިން އެދިގެން އަހަރެއްހާ ދުވަސް ފަހުން ދެގަޑިއިރަށް ގެއަށް ގެނައިގޮތަށް އޭގެފަހުން، އެއްގޮތަކަށް ވެސް ގެއަކަށް ނުގެނެއެވެ. މާމައާއެކު ފޮޓޯއެއް ނެގުމުގެ ހުއްދަ އެރޭލިބުނެވެ.

ކަޓޫރަބޮން ގޮއްވާލިކަން އެނގިހުރެ ނާންގާ ކަމުގެ ހުކުމާއި މިހުރިހާ ކަމެއްގެ ހުކުމްތައް އިއްވީ، ދޫނިދޫކުޑަ ގޮޅީގައި ބަހައްޓައި ގެންނެވެ. ކެސެޓްރޯލަށް 6 މަސް، މަންތިރި މައްސަލައަށް 6 މަސް، ކަޓޫރަ ގޮއްވާލިކަން ނާންގާހުރުމަށް، 3 އަހަރު ދުވަސް، ޖުމްލަ 4 އަހަރާއި ދެމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް ބެހެއްޓީ ޖަލުގައެވެ. އަންނިއަށާއި ބޮޑުސައްޕެއަށް ވެސް މިގޮތަށް ޖަލުގައި ބަހައްޓައިގެން ހުކުމްކުރީއެވެ.

އާދެ! ސަލްޓަންޕާކް ގައި ގޮއްވާލި ކަޓޫރައިގެ ވާހަކަ އެންމެފުރަތަމަ އަޅުގަނޑު ގާތުގައި ބުނީ، ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި އަޅުގަނޑާއެކު އެހެންގޮޅިއެއްގައި ހުންނެވި ތިނެއް ނޮވެންބަރު ހަމަލާގެ ބަންދުގައި ހުރި އަބްދުﷲ ޝާހިދު (ޑީބީ) އެވެ. އޭނަ ކުޑަގޮޅިއަށް ލާފައިހުރީ އިތުރުމައްސަލައެއް ޖަލުތެރޭ ޖެހިގެން އެކަމާއެވެ.

އެހެނަސް މުޅި މިތަހުގީގަށް ފިނިކަމެއް ގެނެސްދިނުމުގެ ގޮތުން، މިކަން އަޅުގަނޑަށް އިނގޭކަމަށާއި އެއްރެއަކު ޖަލުން އަޅުގަނޑު މާލެއަށް، ގެއަށް ގެންދިޔަރެއަކު އަޅުގަނޑުގެ ކޮއްކޮއެއް ކަމުގައިވާ، “އިސްމާޢީލް ރަޝީދު ހުސައިން، ދޮންބެ (އަޅުގަނޑު) ބަންދުކުރުމާ ގުޅިގެން ބިންބިފޯހުގެ ނޮހޮރުއްޕާނާ ހެދި މިއުޅެނީ އެއްޗެއް ގޮއްވާލަންށޭ” ބުނިކަމަށް އަހުރެން އެއްބަސްވީއެވެ. “އިއްސޭ” ގެ ނަން އަޅުގަނޑު ބޭނުންކުރީ އޭނާ އެމެރިކާއަށް ފުރައިފިކަން އަޅުގަނޑަށް ޖަލުކުދިންގެ ފަރާތުން އެނގިފައިވާތީއެވެ.

އޭރުން އޭނަޔާ ސުވާލުނުކޮށް އަވަހަށް ތަހުގީގު ނިމޭނެތީއެވެ. މިގޮތަށް އަޅުގަނޑު ނިންމީ، ﷲއަށް ދަންނަވާއި އިސްތިޚާރާ ނަމާދެއް ކުރުމަށް ފަހުގައެވެ. މިބަޔާން ލިޔެހެދީ، މޯރާ ތައުފީގެވެ. މޯރާ ތައުފީގު ބޭނުންވަނީ، ތިންއަހަރުގެ ހުކުމެއް އަޅުގަނޑުގެ މައްޗަށް ވެސް އިއްވާށެވެ. އަޅުގަނޑުމެން ޖަލުގައި ތިބިއިރު، ދިވެހި ގައުމީ ރޯޑިޔޯއިންނާއި ޓީވީން އިއްވި ބަޔާންތަކަކީ، ސިފައިން މުޅިންހެން އަމިއްލައަށް އީޖާދުކޮށް އުފައްދައިގެން ލިޔެކީ، ރޯބުހުތާން ދޮގު ބަޔާންތަކެކެވެ.

މިބަޔާންތަށް ލިޔެފައިހުރީ މާލެތެރޭގައި ބިންބިފޯހުގެ އަތެއްއޮވެގެން ހިންގި، އަލިފާންރޯކުރުން ތަކަކީވެސް އަޅުގަނޑުމެން ކުރިކަމެއްގެ ގޮތުގައެވެ. ޑިމްސް ބިލްޑިންގް ކަހަލަ ތަންތަން މާލެތެރޭގައި ރޯކޮށްހެދީ، އެއްގޮތަކަށްވެސް އިސްލާހީ ހަރަކާތުގައި އުޅުނު މީހުންނެއް ނޫނެވެ. މާލެތެރޭގައި މީހުންނަށް މަރުގެ އިންޒާރުދިނުމާއި ތަންތަންރޯކުރުމާއި މިފަދަ ޖަރީމާތައް ހިންގީ، ދައުލަތުން އުފައްދައިގެން އުޅުނު، ބިންބިފޯހުގެ ފަރާތުންނާއި އެމީހުން ހުތްލައިދީގެން މާލެތެރެއަށް ނެރުނު ކުދިންނެވެ.

އެކަންވަނީ ދިވެހިތާރީޚަށްޓަކައި ފަޅާއަރައި ސާބިތުވެފައެވެ. ﷲގެ ކުޅަދުންވަންތަ ކަމެވެ! ތަހުގީގުގައި އަލިފާންރޯކުރި ކުދިން އަމިއްލައަށް އިއުތުރާފުވެ ކިޔައިދީފައެވެ. އަދި ޖަލުގައި ތިބިއިރު އަޅުގަނޑުމެންނަށް ވެސް އެކުދިން ވަނީ، އެހުރިހާ ހަގީގަތެއް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

ފަހެ، ތާރީޚީގޮތުން ބަލާއިރު މިދުވަސްވަރަކީ، އިނގިރޭސި ވިލާތުންނާއި ސައުދީ އަރަބިއްޔާގައި ކިޔަވަންތިބި ދިވެހިކުދިން ކިޔަވާނިމިގެން ގިނަ އަދަދަކަށް ރާއްޖެ އައިސް މަސައްކަތްފަށާފައިވާ ދުވަސްވަރެވެ. މިސްރުކަރައިން ރާއްޖެއައި މީހުންތިބީ ވެރިކަމުގައެވެ. ދައުލަތުގެ އެންމެމަތީ ފަޑީގައެވެ. ލެބަނާންގެ ވެރިރަށް ބައިރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީން ގުރެޖުއޭޓްވެގެން ރާއްޖެއައި މީހުންތިބީ، ސަރުކާރު ތެރޭގައި މަތީފަންތި ތަކުގައެވެ.

އެމީހުންގެ ތެރެއިން ސިޔާސީގޮތުން ވިދާލި ލީޑަރަކީ، ޑޮކްޓަރ ވަހީދެވެ. އަދި އޭނާގެންގުޅުއްވި ފިކްރަށް ތަބާވި އިސްލާހީ ހަރަކާތުގެ ޒުވާންޓީމެވެ. އިނގިރޭސި ވިލާތުގެ ޓީމުގައި އިސްކޮށް އެންމެ ހަރަކާތްތެރިކޮށް ހުންނެވީ ވަރަށް ހަރަކާތްތެރި ޒުވާން ލީޑަރެއް ކަމުގައިވާ ގ.ކެނެރީގޭ މުހަންމަދު ނަޝީދު، “އަންނި” އެވެ. ސައުދީ މީހުންގެ ތެރޭގައި ސިޔާސީކަންކަމުގައި އެންމެ އިސްކޮށް އުޅުނީ، ސީދާ އަޅުގަނޑެވެ. ކިޔެވި ދުވަސްވަރުގައި ވެސް އަހުރެންނަކީ ޕާކިސްތާނުގައި ސިޔާސީކަންކަމުގައި އުޅުމީހެކެވެ. އަހުރެންނަކީ، ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމެވެ.

އަންނިއާއި އަޅުގަނޑު މެންނަކީ، ޑޮކްޓަރ ވަހީދުމެން ގުރޫޕުން ފެއްޓެވި އިސްލާހީ ހަރަކާތުގެ އެންމެ ކުރީގައި އިސްވެތިބި ދަރިވަރުންނެވެ. އެމީހުން ފެއްޓިމަސައްކަތް ދިރުވާއި ނެގެހެއްޓި ޒުވާނުންނެވެ. ކިޔަވާކުދިންނެވެ. ރައީސް މައުމޫނަށާއި އޭނާގެ ސަރުކާރަށާއި އޭނާގެ ޓީވީމޯލްޑިވްސް އަށް ފާޑުކިޔާއި ސަރުކާރުން މާލޭގައި ނެރެމުންގެންދާ ނޫހެއްގައި އެންމެފުރަތަމަ ފާޑުވިދާޅުވެ ލިޔުއްވީ، ޑޮކްޓަރ ވަހީދެވެ.

އަޅުގަނޑުމެންނަށް މިކަމުން ވަރަށް ހިތްވަރު ލިބުނެވެ. ސަންގު މަޖައްލާގައި ލިޔެވުނު ލިޔުންތަކާއި ހުކުރު މަޖައްލާގައި ލިޔެވުނު ލިޔުންތައް، މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. ސަންގު ބަންދު ކުރުމުން އަހުރެން އިސްވެ ހުރެ މަންތިރި ކިޔާފައި ސިޔާސީ މަޖައްލާއެއް ނެރެންފެށީއެވެ. އެހެނަސް އެމަޖައްލާ ބަންދުކޮށް ސަރުކާރުން މަރާލީއެވެ.

އާދެ! ޑޮކްޓަރވަހީދު ލިޔުއްވި ލިޔުމާގުޅިގެން އޭނާ ރައީސްއޮފީހުގެ ވަޒީފާއިން ގެއަށް ފޮނުވާލުމުން، ވަރަށް ގިނަބަޔަކު ޑޮކްޓަރވަހީދަށް ތާއީދުކޮށް ހިތްވަރުދިނެވެ. އަދި އޭނާގެންގޮސް އެދުވަސްކޮޅު ބެހެއްޓީ ރިޒޯޓެއްގައެވެ. އެއީ ދިވެހިރާއްޖޭގައި މުދާވެރިންކޮށް އުޅޭކަމެކެވެ.

ފަހެ، މިފާޑުކިޔުން ހަވީރު ނޫހުގައި ޝާއިޢު ކުރެވުނީ، އެނޫހުގެ މަސްއޫލުވެރިޔާ، މިނިސްޓަރ ޒާހިރު ހުސައިނުގެ މާބޮޑު ސަމާލުކަމެއް ނެތިއެވެ. އެހެނަސް، ބިނާކުރަނިވި ފާޑުކިޔާ އަމިއްލަ ޚިޔާލެއް، އަމިއްލަ ލިޔުމެއް، ރައީސްމައުމޫނު ސަރުކާރުން ހަރަދުކޮށްގެން ވަޒީރެއްގެ މަސްއޫލު ވެރިކަމުގެ ދަށުގައި، ހިސާރު ކުރެވިފައިވާ ނޫހެއްގައި ޖަހާ ޝާއިޢު ކުރެވުނީ، އޮޅުމަކުންނެވެ. ބަލަންވީވަރަށް ނުބެލި އޮތުމުންނެވެ.

އެދުވަސްވަރަކީ، ލިޔުންތެރިކަމުގެ ތެރެއަށް، ރިފޯމްކުރުން ރަނގަޅަށް ނުފެށި އޮތް ދުވަސްވަރަށްވާތީ، އެޑިޓަރާއި އެމީހުންގެ އަތްދަށުން މިކަން ކައްސާލީއެވެ. ފާޑުކިއުމުގެ މިލިޔުމާ ގުޅިގެން ރަސްމީ އޮފީހުގައި، ރަސްމީ ވަޒީފާ އަދާކުރުމަށް ހުރި މޭޒުން އެއްފަރާތްކޮށް ވަގުތީގޮތުން ގެޔަށް ފޮނުވާލެވުނީ، ނިކަމެތިކޮށް ނަފްސާނީގޮތުން ބަލިކޮށް ލުމަށެވެ.

މިކަން ކުރެއްވީ، އެއްވެސް ގާނޫނީ ބާރެއް، އެއްވެސް އަސްލެއް ނެތި، އަމިއްލަފުޅަށް އަމިއްލަ ހައިސިއްޔަތުން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ. ބިރުގަންނަވާއި އަޅުވެތި ކޮށްލުމުގެ މަގުޞަދުގައެވެ. އާދޭސް ކުރުވުމުގެ ބޭނުމުގައެވެ.

ފަހެ، ދަންނާށެވެ! މިއީ އަޅުވެތި ކުރުމަށާއި ސަލާންޖެހުމަށާއި އާދޭސް ދެންނެވުމަށް މަޖުބޫރުކުރުވަން ވެގެން ހިންގާ، ގާނޫނާއި ގަވައިދާ ޚިލާފު އަމަލުތަކެވެ. އަސާސީގެ ދަށުން، ވެރިޔަކު ކުރުން ހުއްދަވާނެ ކަންކަމެއް ނޫނެވެ.

އާދެ! ނުވަދިހައިގެ އަހަރުތައް ވެގެންދިޔައީ އިސްލާހީ ހަރަކާތުގެ މެދުމަރުލަހާ ކަމުގައެވެ. ލިޔުންތެރިކަން ވަރަށްފޯރީގައި ކުރިޔަށް ގޮސް މަދުމަޖައްލާ ތަކެއްގައި ގިނަ މަޒްމޫމުތަކެއް ލިޔެވެން ފެށި ދުވަސްވަރަށެވެ. މިއީ ޕްރިންޓް މީޑިޔާގައި ވަރަށް ފޯރިޔާއެކު، އިސްލާހީ ހަރަކާތް ހިންގަންފެށުނު ދުވަސްވަރެވެ.

އިސްލާހީ ހަރަކާތަށް ޒުވާން ލިޔުންތެރީންގެ އެހީތެރިކަން ގަވާއިދުން ލިބެންފަށައިފިއެވެ. އާޖޯޝެއްގައި ސަންގު، ހުކުރު، މަންތިރި ފަދަ މަޖައްލާތައް ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން ނެރެން ފަށައިފިއެވެ.

އާދެ، “މަންތިރި” އަކީ، ސިޔާސީ މަޖައްލާއެއްގެ ގޮތުގައި "ސިޔާސީމަޖައްލާ" އެނަމުގައި އެހެންލިޔެފައި ސަރުކާރުގައި ފުރަތަމަފަހަރަށް އެގޮތަށ، އެޓައިޓަލްގައި ރަޖިސްޓްރީ ކުރެވުނު ފުރަތތަމަ މަޖައްލާއެވެ. ފަހެ، ސަރުކާރާއި ލިޔުންތެރިކަމާ ދެމެދު ވާދަވެރިކަން އުފެދިއްޖެއެވެ. އެހިސާބުން، އެއްވެސް ހައްދެއްނެތި ލިޔުންތެރީން ބަންދުކުރަން ފަށައިފިއެވެ. މަޖައްލާތައް ކޮންފިސްކޭޓް ކުރުމަށް ފަހު މީހުންކޮޅު ގެންގޮސްލަނީ ދޫނިދޫޖަލަށެވެ.

އެހެނަސް އާފިކުރެއްގައި، އާވިސްނުން ތަކަކާއެކު، ބާރުގަދަ ސިޔާސީ އޮއިވަރެއް، އިސްލާހީ ހަރަކާތުގެ ތެރޭގައި ހިނގައި ގެންފިއެވެ. 1988 ގެ ވަރުގަދަ ހަމަލާގެ ހިޔަނީގައި އަނެއްކާވެސް ވެރިކަމުގެ، 3 ވަނަ ދައުރަކަށް ރައީސް މައުމޫނު ބޮޑުތަމުން ހޮވިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދާއި އެމަޖިލީހުގެ އިއްތިފާގު ހޯއްދަވައި ގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސިއްރުވޯޓް އޮތީ، 1988 އޯގަސްޓް 15 ވަނަދުވަހު އެވެ. ހާޒިރުވީ، 46 މެންބަރުންނެވެ. 46 މެންބަރުންގެ ވޯޓް ރައީސް މައުމޫނަށް ލިބިވަޑައި ގަތެވެ. އާންމުވޯޓް އޮތީ، 1988 ސެޕްޓެންބަރ 23 ވަނަދުވަހުއެވެ. ފެންނަކަމަށް ނުވަދިހަހައެއް ޕޮއިންޓް ތިރީސްހަތެއް ޕަސެންޓް ލިބުނެވެ.

އާދެ! ދެން މަޖިލީހުގެ އިއްތިފާގު ހޯއްދެވި ފަހަރަކީ، ރައީސް މައުމޫނުގެ ހަވަނަ ދައުރަށް ހޮވުމަށް މަޖިލީހުގައި 2003 ސެޕްޓެންބަރ ފަހުކޮޅުގައި ބޭއްވި ސިއްރުވޯޓުގައެވެ. މިވޯޓްއޮތީ، ސެޕްޓެންބަރ އޮނަވިހި އަދި ވިހީގެ ކަންތައްގަނޑު ހިނގިތާ ފަސްދުވަސްވަރު ފަހުންނެވެ. މިދުވަސްވަރު ވެސް އަޅުގަނޑު ހުރީޖަލުގައެވެ. އަންނި އެދުވަހު ދޫކޮށްލީ، ޅ،އަތޮޅުގެ އިއްޒަތްތެރި މެންބަރު އިބްރާހީމް މުހަންމަދު ސާލިހްގެ ވޯޓު އަޑިއަޑިން އެއްބަސްވުމެއްގެ ދަށުން ގެރެއްޓީކޮށްފަ، އޭގެބަދަލުގައެވެ.

ސަރުކާރުން އެމްޕީ، އިބްރާހީމް މުހައްމަދު ސާލިހުއައި ސިޔާސީޑީލެއް ހަދައިގެންނެވެ. އެވޯޓު އަންނިއެދުވަހު ދޫކޮށްލާފައި ގަނެލީއެވެ. އަޖައިބު ވާންޖެހެނީ، މިކަހަލަ ބޮޑުހާދިސާއަކަށް ފަހު ބޭއްވޭ ކޮންމެ ސިއްރު ވޯޓެއްގައި ރައީސްމައުމޫނު މަޖިލީހުން އިއްތިފާގު ހޯއްދަވާފައި ވާތީއެވެ.

ފަހެ، މިއީ ރައީސް މައުމޫގެ ޕްރޮޕެގެންޑާ އާއި ރޭވުންތައް ހުރި ގޮތެވެ. އަދި މީގެ އެއްމެ ހެއްވާ ފަރާތަކީ، 2003 ގައި ސިއްރުވޯޓް ނެގި އިރު މަޖިލީހުގައި އިސްލާހީ ހަރަކާތުގެ ބޭފުޅުންނާއި އެމްޑީޕީއަށް ތާއީދު ކޮށްގެން ތިއްބެވި ބޮޑެތި ބޭފުޅުންވެސް ތިއްބެވީތީއެވެ. ފަހެ މިއީ ހިތާމަކުރަން ޖެހުނު ކަމެކެވެ. މިފެނުނީ މުޑުދާރު ސިޔާސީޑީލްތަކުގެ އަސަރުތަކެވެ.

އާދެ! ދެން އެއަށްފަހު، މާގިނަދުވަސް ތަކެއްނުވެ، 1989 ވަނައަހަރުގެ އާންމު އިންތިޚާބު ކުރިމަތި ވެއްޖެއެވެ. އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި އެދުރުން ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށް ކެންޕޭން ފަށައިގެންފިއެވެ. ޑޮކްޓަރ ވަހީދާއި ވަހީދުގެ ބައިވެރިންނަށް މަޖިލީހަށް ރައްޔިތުންގެ ލޯތްބާއެކު ވަރަށް ފަސޭހައިން ވަދެވިއްޖެއެވެ.

މަޖިލީހަށް ވަދެވުނު ބޭފުޅުންނަކީ، މާލޭން ވެންނެވި ޑޮންޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި ގދ. އަތޮޅުންވެންނެވި މުހަންމަދު ލަތީފު (ގޯގޯ) އާއި ޏ. އަތޮޅުން ވެންނެވި މުހަންމަދު އިބްރާހީމް ދީދީ (މޮޑީ) އާއި އދ. އަތޮޅުން ވެންނެވި ގާސިމުއިބްރާހީމް (ބުރުމާ) އެވެ.

މިހާތަނަށް މާލޭން އެންމެގިނަ ވޯޓްލިބިގެން ހޮވިފައިވާ ކެނޑިޑޭޓަކީ، ޑޮކްޓަރ ވަހީދެވެ. މިއީވެސް ރެކޯޑެކެވެ. ފަހެ، މިބޭފުޅުންނަކީ، އިސްލާހީ ހަރަކާތުގެ އުސްތާޒުންގެ ގޮތުގައި ފާހަގަކުރަން މަޖުބޫރު، ރާއްޖޭގެ ފަޚުރުވެރި ސިޔާސީ ލީޑަރުންނެވެ. އިސްލާހީ ހަރަކާތުގެ އެދުރުންނެވެ. އަދި އެހަރަކާތުގެ ބޮޑުންނެވެ.

އާދެ! އާންމު އިންތިހާބުގައި މިފަދަ އިލްމީބޭފުޅުންނަށް ބޮޑެތި ފަޚުރުވެރި ކާމިޔާބުތައް ލިބި، ރައްޔިތުންގެ ގޮނޑިތައް ކާމިޔާބުކޮށް ހޯދަން ފަށައިފިއެވެ. އިސްލާހީ ހަރަކާތްފުޅާވެ، އެތައް ދަރިވަރުންތަކެއް އުފެދި މުޅި ދިވެހިރާއްޖެއަށް ފެތުރެން ފަށައިފިއެވެ.

ނޫސްމަޖައްލާތަކުގެ ދައުރު:

އަދި، ކުރިން ދެންނެވިހެން، 1990 ވަނައަހަރުން ފެށިގެން ލިޔުންތެރިކަން އާންމުވެއްޖެއެވެ. ފަހެ، ސަންގު، ހުކުރު، މަންތިރި، ފަދަ ބައިވަރު އެކިނަންނަމުގެ މަޖައްލާތައް ނެރެވުނީ މިދުވަސްވަރުގައެވެ. ބަންދުކުރި އެންމެން ދޫވެއްޖެއެވެ. އާފޯރިއެއްގައި އަނެއްކާވެސް ލިޔުންތެރިކަން ފެށިއްޖެއެވެ. ތޮށިގަނޑު ފަޅާލާފައި ބޭރަށް ނުކުތްގޮތަށް ބާރަށް ކުރިޔަށް އެބަދެއެވެ.

އެތައް ރަށެއްގައި ސިއްރު ނޫސްތަކާއި ސިއްރު ކަރުދާސްތައް ނުކުންނަން ފަށައިފިއެވެ. މަގުމައްޗަށާއި ގެތަކަށް ހިލޭ ވައްޓާލަދެއެވެ. ޅެންވެރީން ޅެން ހަދާއި ނެރުނެވެ. މަޝްހޫރު ސިއްރު ނޫސް “ސަންދާނު” ވެސް ނެރެން ފަށައިފިއެވެ. އެހެނަސް ރައީސް މައުމޫނުގެ ސަރުކާރުގެ ބާރާއި ނުފޫޒު ރައްޔިތުންގެ މައްޗަށް ގަދަކޮށް، ރައްޔިތުންގެ އަޑާއި ރައްޔިތުންގެ ބާރަށްވުރެ ސަރުކާރުގެ ބާރުވެރިކަމާއި އަނިޔާވެރިކަން ގަދަކޮށްފިއެވެ.

ސިފައިންގެ ވެރިންގެ ގޮތުގައި ތިއްބެވި ބޮޑު ދެއޮފިސަރުން ކަމުގައިވާ ޓޫޓޫ ޒާހިރާއި އާދަން ޒާހިރު (ދެޒާހިރު) ލައްވާ އިސްލާހީ ހަރަކާތް ފުނޑާލުމަށް ސިއްރު ރޭވުންތަކެއް ރާވައިގެން މަސައްކަތް ފަށައިފިއެވެ. އެހެނަސް، މިހާރަކަށް އައިސް ނަންތައް އިވެމުން މިދާ ހުރިހާ ބިލްތަކަކީ ވެސް، އޭރު މަޖިލިހުގެ ތަޅުމުގައި އެކިއެކި ދައުރު ތަކަށް ހުށަހެޅިފައިވާ ބިލްތަކެވެ. އެއީ އާ ބިލްތަކެއް ނޫނެވެ.

ޑޮކްޓަރވަހީދާއި ގާސިމު ސޮއިކޮށް ހުށަހެޅުއްވި ބިލްތަކަށް ބައްލަވާށެވެ. އިންސާނީ ހައްގުތަކުގެ ބިލެކެވެ. ކުށްވެރިންގެ ހައްގުތަކުގެ ބިލެކެވެ. މިހެންގޮސް އެތައްބިލެކެވެ. މިހާރުވެސް އެބިލްތަކުގެ ކޮޕީތައް ބައެއްމީހުން އަތުގައި ހުންނާނެކަން ކަށަވަރެވެ. އެހެނަސް ސަރުކާރުގެ ބާރާއި ނުފޫޒުގަދަކަމުން، އެބިލްތައް ވަޅުޖައްސާ މަރާލީއެވެ. ކޮމެޓީއަކަށް ގެންދާގޮތަށް ބަޚަބަރުވަނީއެވެ. މިގޮތަށް މިފަދަބިލްތައް މަރާލަނީއެވެ.

ދެމަޖިލީހުގެ ބާރުގެ މައްޗަށް، މިހާރެކޭ އެއްގޮތަށް ސަރުކާރުގެ ބާރުއޮތީ ވަރަށް ގަދަކޮށެވެ. ދެޒާހިރުގެ ނުލަފާ، ވަޙުޝީ އަމަލުތައް ރިފޯމިސްޓުންގެ މައްޗަށް ތޫފާނީވަބާއެއްގެ ގޮތުގައި ގަދަޔަށް ފާކޮށްފިއެވެ. ހިތަށް އަރުވަންދަތި އަޒާބާއި އަނިޔާތައް ޖަލާއި ޖަލުން ބޭރުގައި ކުރިއެވެ. ސުވާލު ކުރުމުގައި ދަނގަޑު ބޫޓުން ތަޅައެވެ. ނަފްސާނީގޮތުން ބަލިކޮށް ލުމަށް، ސަޔަށް ފާޑެއްގެ ކުޑީއެއް އަޅާކަންވެސް ވަނީ އެނގިފައެވެ.

އަދި ދެކަކޫލަންބާ، ދެއިންޗި ދެއިންޗީގެ ދިގުމިނުގައި ތިންފޫޓުވަރު ހުންނަ ލަކުޑިފަތިގަނޑެއް ދެކަކޫދަށަށް ލެއްވުމަށް ފަހު، ދަނގަޑުބޫޓާއެކު ބުރަކަށި މައްޗަށް އަރާ، އޮބަމުން ސުވާލުކޮށް ހެދިއެވެ. ބިޑިއަޅުވާއި ޗޭނުޖަހާއި ގުދުކޮށް ފުއްޓަރުފަރާތު އަކިރިތައް މަތީގައި ހިންގުވަމުން ސުވާލުކުރިއެވެ. ގަދަ ރާޅުގައި ވޭލަރެއްގައި ބާއްވާއިގެން ސްޕީޑުގައި ދުއްވަމުން ސުވާލުކޮށް އެއްބަސް ކުރުވައެވެ.

މިއީ ހުކުމްކުރުމުގެ ބޭނުމުގައި އިޢުތިރާފު ހޯދުމަށް ޖަލުގައި ދައްކާ އަހުވަތަކެވެ. އަޒާބެވެ. އަނިޔާއެވެ. މަދިރިފެއްސުގެ ނަމުގައި ހިކިމިރުހުގެ ދުންއަޅައެވެ. ގަސްތަކުން ވާ ފެއްސުމުގެ ނަމުގައި، އަކިރިޑަބިޔާ ގަސްތަކުގައި އެލުވައިގެން ނިދާގަޑިގަޑީގައި ރޯނުގަނޑެއް ޖަހައިގެން ތަޅުވައެވެ. މިއީ ގައިދީންނަށް ކުރާޖެއްސުމެކެވެ. 1990 ވަނައަހަރު، އެމްނެސްޓީ އިންޓަރ ނެޝެނަލުން ނެރުނު ރިޕޯޓްގައި ވަރަށް ތަފްސީލުކޮށް މިވާހަކަތައް ލިޔެފައި އެބަހުއްޓެވެ.

ސައުދީ އެރަބިއްޔާގައި އަޅުގަނޑު ކިޔަވަން ހުރިއިރު “މޯލްޑިވިއަން އިސްލާމިކް ޔޫތް އޯގަނައޮޒޭޝަން، (އެމް އައި ޔޫ އޯ) "މިޔޯ" ގެ ނަމުގައި ޒުވާނުންގެ ޖަމްއިއްޔާއެން އުފެއްދީމެވެ. މިޖަމްއިއްޔާގެ ރައީސަކީ، ސިއްކަގޭ މުހަންމަދު ނަސީމް (ނަސީމްބެ) އެވެ. ނައިބު ރައީސަކީ، އަޅުގަނޑެވެ. ސެކްޓަރީޖެނެރަލަކީ، އޮސްޓްރޭލިޔާގައި މިހާރު ހުންނެވި، ޕްރޮފެސަރ އަބްދުﷲ ސައީދެވެ.

އެމްނެސްޓީ އިންޓަރނެޝަނަލް އުފެދުނު ދުވަސްވަރު، ނަސީމްބެ ގެންދެވީ އެތަނަށް ރާއްޖޭގެ މައުލޫމާތުތައް ލިޔުއްވަ މުންނެވެ. މިޔޯއަކީ، މިގޮތަށް ބޭރުދުނިޔޭގައި ހަރަކާތްތެރިވި ފުރަތަމަ ދިވެހިޖަމްއިއްޔާއެވެ. މިޔޯއިން ކުވޭތުގެ “އިފްސޯ” އާގުޅިގެން އަބުލްއައުލާ މައުދޫދީގެ ތަހަރުފޮތެއް ދިވެހިބަހަށް ގެނެސް އިފްސޯގެ ޓައިޓަލްގައި ޝާއިޢުކޮށް ނެރެ، ހައްޖުމޫސުގައި ބަހާހެދިއެވެ.

ވަރަށް މަދުން ބައެއް ދިވެހިންގެ އަތުގައި މިފޮތްތައް މިހާރުވެސް ހުންނާނެއެވެ. ރާއްޖެއަށް އަޅުގަނޑުމެން ފޮނުވި ހުރިހާފޮތްތަކެއް މިނިސްޓްރި އޮފް ޑިފެންސަށް ނަގާ، އެމިނިސްޓެރީގެ ބެލުމުގެ ދަށުން އަންދާލީއެވެ. އަދި ނަސީމްބެ ޕާކިއްތާނުން މާލެ ވަޑައިގެން ނެވުމުން، ޑިފެންސަށް ގެންދަވާއި އެތާގެ މިނިސްޓަރ އިލްޔާސް އިބްރާހީމް ބައްދަލުކޮށް ހެއްދެވުމަށް ފަހު، އެފްޕީއައިޑީން ރަނގަޅު ވަޒީފާއެއް ދެއްވާފައި ބަންދުނުކޮށް އިނާޔަތެއްދީ ތާށިކޮށްފައި ބެހެއްޓެވީއެވެ.

އަޅުގަނޑުމެން ތިބީ ސައުދި އަރަބިއްޔާ ގައެވެ. ފަހުން މާލޭގައި އަޅިވިލާ ލަތީފު، މިޔޯގެ ނަމުގައި ޖަމްއިއްޔާއެއް ގެންގުޅުއްވިއެވެ. ފަހެ މިއީ، މުޅިންދެ މިޔޯ އެކެވެ.

ފަހެ ދަންނާށެވެ! ސަރުކާރުގެ އަމަލުތައް، މިހެން ހުއްޓަސް އިސްލާހީ ހަރަކާތް ދިޔައީ ފެށުނުގޮތަށް ޖޯޝާއި ފޯރިޔާއެކު ބާރަށް ކުރިއަށެވެ. ދުރާލާ ރާވައިގެން ދެޒާހިރުގެ އަނިޔާވެރި އުކުޅުތަކުން، މަޖިލީހުގެ އިއްޒަތްތެރި ބަޔަކު، ބޭރުކޮށް ލެވުނެވެ. އަނެއްބަޔަކަށް އިސްތިއުފާދޭން މަޖުބޫރު ކުރުވިއެވެ.

ގާސިމާއި މޮޑީއަށް ޖެހުނީ އިސްތިއުފާ ދެއްވާފައި ހިނދުކޮޅަކަށް ފަހަތަށް ޖެހިލާށެވެ. ރައިސް މައުމޫނުގެ ހަމްދަރުދީ އޮންނަ މީހަކަށް ވާތީ، ގާސިމު، ދުވަސްކޮޅަކު ބެހެއްޓެވީ، ޖަޕާނުގައި ވިޔަފާރިގެ ކަމެއްގައި މަޑުކޮށްލައްވާ ގޮތަށެވެ. އަބަދުވެސް ގާސިމް ހަރަކާތްތެރުވެ ލައްވަނީ ރައީސްމައުމޫނުގެ ލަފާމަތީންނެވެ. ވިޔަފާރޫގައި އިލްޔާސްގެ އަތެއް ވެސް އޮވެއެވެ.

ގޯގޯލަތީފު، ގެންގޮސް ވެއްދީ ދޫނިދޫ ކުޑަ ގޮޅިއަށެވެ. އޭރުވެސް އަހުރެން ހުރީ ދޫނިދޫ ޖަލުގައެވެ. ޑޮކްޓަރ ވަހީދަށް މަޖުބޫރުކުރުވީ، އިސްތިއުފާ ދީފައި ވަގުތީގޮތުން ދިވެހިރާއްޖެއިން ފުރައިގެން ދިއުމަށެވެ. ދެތިންރޭ ވަންދެން ދަންވަރު ސިފައިންގެއަށް ހާޒިރުކޮށް އިރުއަރަންދެން ބައިންދާ ހެދިއެވެ. ބިރުދެއްކުމުގެ ބަހުރުވައިން ސުވާލުކޮށް ހެދިއެވެ. އެކިކަހަލަ އިންޒާރުދީ ހެދިއެވެ.

މިއިން ކޮންމެރެއަކު ސިފައިންގެއަށް އެނާ ބަންދު ނުކުރުމަށް ގޮވާލާ، ބޭރުން ފެކްސްތައް ލިބޭކަން އެނގިފައި ވެއެވެ. ތަޢުލީމީ ޤާބީލުކަން ހުރުމާއެކު، އޭނާނިންމީ، ބައިނަލް އަގުވާމީ މުޖުތަމަޢުގައި ހިދުމަތްކޮށްދޭން ފަށާށެވެ. ރާއްޖެ ހިމެނޭގޮތަށް މުޅި އިންސާނިއްޔަތަށެވެ. ޔޫއެންގެ ވަޒީފާއެއްގައި ހިނދުކޮޅަކަށް ބޭރުގައި މަޑުކޮށް ލާށެވެ.

ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ޚިދުމަތް ކޮށްދޭށެވެ. ފަހެ، އެކުވެރި ދައުލަތް ތަކަށް ކުރާޚިދުމަތަކީ، ދިވެހީން ވެސް ޝާމިލްވާގޮތަށް ހުރިހާ ދައުލަތްތަކަށް ކުރާޚިދުމަތެކެވެ. ބޮޑުތަޖުރިބާ އެވެ. މުޅި އިންސާނިއްޔަތަށް ކޮށްދޭ ޚިދުމަތެކެވެ.

ފަހެ، މިބޭފުޅުން ހިނދުކޮޅަކަށް ރާއްޖެއާދުރަށް ޖެހިލެއްވިޔަސް މިބޭފުޅުން އުފެއްދި ދަރިވަރުން އިސްލާހީ ހަރަކާތް ކުރިޔަށްވުރެ މާބާރަށް، މާވަރުގަދަކޮށް ކުރިޔަށް ގެންދިޔައެވެ. އަހުރެމެންގެ އިސްލާހީ ގުރޫޕް ޖަލަށް ވަންނާކަށް ބިރެއްނުގަނެއެވެ. ތިބީހޭނިފައެވެ. ރައީސް މައުމޫނާއި ދެޒާހިރުވެގެން ގާނޫނުން ބޭރުގައި ދެއްކި އަނިޔާތަކާއި އަހުވަތަކަށް ކުޑަކޮށްވެސް ފަސްޖެހުމެއް ނެތެވެ. ޖެހިލުމެއް ނުވެއެވެ.

ފަހެ، މިހަރަކާތް ކުރިޔަށް ގެންދެވުނީ، ބޭރުގައި ހުންނެވި ޑޮކްޓަރވަހީދުގެ އެހީއާއި މަޝްވަރާއާ އެކުގައެވެ. އެތައް ފަހަރަކު ގޯގޯލަތީފައި އެހެން ބޭފުޅުން ޑޮކްޓަރވަހީދު އަރިހަށް އެކިގައުމުތަކަށް ދަތުރުކުރެއްވިއެވެ. ރާއްޖެއިން ބޭރުގަޔާއި ރާއްޖޭގައި އިސްލާހީ ހަރަކާތް އަނެއްކާވެސް މޫލައި މާވަރުގަދަ ވެއްޖެއެވެ. ހުންގާނުގައި ތިބީ، ޒުވާން ސިޔާސީ ދަރިވަރުންނެވެ. އެއްބަޔަކު ރާއްޖޭންބޭރަށް އިނގިރޭސި ވިލާތަށް އަރުވާލެވުނުއިރު، އަނެއްބަޔަކު ރާއްޖޭގައި ތިބެގެން، ވަރަށް ފާޅުގައި ބޭރުން އަންގާ ހަރަކާތްތައް ރާވާއި ހިންގަމުން ގެންދިޔައެވެ.

އާދެ! ނުވަދިހައިގާ ޖަލަށްލެވުނު އެންމެން ތިންއަހަރު ތެރޭގައި، އެކިގޮތްގޮތުން މިނިވަންވެ ސަލާމަތް ވެއްޖެއެވެ. ބަންދުވި ދަރިވަރުންގެ ބޮޑުންގެ ތެރޭގައި ހިމެނެނީ، އަޅުގަނޑާއި އަންނި އާއި ބޮޑުސައްޕެއާއި ހެރިންސް އަބްދުލް ހަންނުމެން ފަދަ ބައެކެވެ. މީގެއިތުރުން ދުއިސައްތައެއްހާ މީހުން އެފަހަރު ބަންދުކުރިއެވެ. އަޅުގަނޑުމެން ޖަލުން ނުކުތީ، އާއަޒުމަކާއި އާހިއްވަރަކާ އެކުގައެވެ. އެއްބަޔަކު އަނެއްބަޔަކާ ލާމެހި، ގުޅިގެން ބަދަހިވަމުންދާ ހިޔާލާތެއްގެ ގޮތުގައެވެ.

ވަރަށްކެރޭ މަދުބަޔަކު ބޭރުގަޔާއި އެތެރޭގައި އަމަލީގޮތުން އިސްލާހީ ހަރަކާތް ވަރަށް ފޯރިޔާއެކު ކުރިޔަށް ގެންދަނީއެވެ. ބައިނަލް އަގްވާމީ މުޖްތަމަޢުގެ އެހީތެރިކަން ލިބެން ފަށައިފިއެވެ. ވަރުގަދަ ޗޭނެއްގެ ބޮޅުތަކެއް ސިފައިގައެވެ. ލީޑްކުރައްވަނީ، ސަރުކާރާއި ސިފައިންނާ ކުރިމަތިލާންކެރޭ، ހިތްވަރުގަދަ “އަންނި” އާއި "އަހުރެމެން" ފަދަ މަދު ބައެކެވެ. އުމުރުދުވަހަށް ޖަލަށްލެވުނު، ސަންދާނުގެ، 4 ބަތަލުންވެސް މިނިވަން ވެއްޖެއެވެ. ސަންދާނު އެސަންދާނުގެ ނަމުގައި ދިރިއްޖެއެވެ. ސަންގު ވެސް އެހެން ނަމެއްގައި އަބަދު ވެސް ދިރިދިރިއޮވެއެވެ. މުގުލުގައި ހުންނެވީ ހިތްވަރުގަދަ ސަންދާނު މުހަންމަދު ޒަކީއެވެ.

ސަންދާނުގެ އެއްބަތޮލު ފިލައިގެން ގޮސް ޔޫއެންގެ ހިމާޔަތް ހޯދައިގެން ރިފޯމަށް ކުރެވެން ހުރި މަސައްކަތެއް، ޔޫރަޕްގައި ފަށައިފިއެވެ. އެބޭފުޅާ ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށް ދެއްވިއެވެ. އާދެ! ސަންދާނު އިބްރާހީމްލުތްފީ އަކީ، ދިވެހިދައުލަތުގެ ފަޚްރުވެރި އިނާމެއް ހައްގު ބަތޮލެކެވެ.

ފަހެ، މިހަތަރު ބަތޮލުންނަކީ، އުމުރަށް ޖަލަށް ލެވުނު ބައެކެވެ. އާދެ! އަދިއަދާ ހަމަޔަށްވެސް މަރާނުލެވި ދިރެމުން، ފެތުރެމުން، ދެމެމުން ކުރިޔަށް މިދަނީ، ސީދާ، 1980 ވަނަ އަހަރުތަކުގައި ފެށުނު ހަމަ އެހަރަކާތެވެ. އާދެ، ދިވެހިރާއްޖޭގެ އިސްލާހީހަރަކާތެވެ. ދެންއޮތީ އިސްލާހީ ހަރަކާތުގެ މަތީމަރުހަލާއަށް ގިރާކުރުމެވެ. މަތީ މަރުހަލާފެށުމެވެ.

އެމަރުހަލާ ވެގެންދާނީ، އިލެކްޓްރޯނިކް މީޑިޔާއާއި މަގުމަތީގެ އަވަސް ހަރަކާތަށެވެ. ފަހެ، މިހާރުމިވަނީ، މިހަރަކާތުގެ ނަތީޖާއާ ހަމައަށް ވާސިލުވާން ތައްޔާރުވެފައެވެ. ބައިވަރު އިތުރު ކެރޭ ޒުވާނުން ބިރުކެނޑި އިސްލާހީ ހަރަކާތުގައި ބައިވެރިވެފައެވެ. ދެން ސަރުކާރާށް ޖެހޭނީ ހޭއަރާށެވެ. ދޫދޭށެވެ. އިނދަޖެހޭށެވެ. ބަދަލު ގެންނާށަމެވެ. ބަދަލުވާނެކަން ކަށަވަރެވެ. ދުނިޔެ އެނބުރޭގޮތަށް ދިވެހިރާއްޖެވެސް އެނބުރޭނެއެވެ.

އާދެ! މިހަރަކާތަށް ދިވެހި ފަސްގަޑުގައި އެންމެ ބޮޑަށް އާރޯ ތާޒާކަން ގެނެސްދީ ދިރުވަން މަސައްކަތް ކުރެއްވި ދެތިން ޝަރަފުވެރި ބޭފުޅެއްގެ ރީތި ނަންފުޅު ކޮންމެހެންވެސް މިމުނާސަބަތުގައި ހާމަކޮށްލަން އެބަޖެހެއެވެ. އަޅުގަނޑަށް މަޖުބޫރެވެ. ﷲ އެދެބޭފުޅުންގެ ފުރާނައާއި ރޫހަށް، ތާއަބަދަށް ދެމިގެންވާ ދާއިމީ ރަހުމަތް ލައްވާށިއެވެ. އާމީން!

ފަހެ، އެއީ ކަޅުހުރާގޭ އަލްމަރްހޫމް މުހައްމަދު ލަތީފާއި ކޮލިގޭ އަލްމަރްހޫމް ހަސަން އަހުމަދު މަނިކެވެ. އަދި އަލީމުސާދީދީ އާއި ޝަފީގުގޭ ޝަފީގް އެވެ.  މިބޭފުޅުންނަކީ، މިހަރަކާތުގައި ވަރަށްކެރިގެން ނުކުތް އެދުރުންނަށާއި ދަރިވަރުންނަށް ދައުވަތު ދީގެން އަމިއްލަވަޒަނަށް ގެންދަވާއި ހިތްވަރާއި އިރުޝާދު ދެއްވި ބޭފުޅުންނެވެ. އެބޭފުޅުން އަޅުގަނޑާ ދެއްކެވި ވާހަކަތައް މިއަދުވެސް ހަދާނުގައި އެބަހުއްޓެވެ. އެވާހަކަތަކަކީ ދުވަހަކު ވެސް ހަނދާނުން ފިލާނެ ވާހަކަތަކެއްނޫނެވެ. އަދި ޚާއްސަކޮށް ލަތީފާއި ހަސަންމަނިކު މިދެބޭފުޅުން ނަކީ، އިސްތިބްދާދާ ދެކޮޅަށް އެތައް މަޒްމޫނުތަކެއް ލިޔުއްވި ބޭފުޅުންނެވެ. އަހުރެން އަމިއްލަގެއަށް ގެންދަވައިގެން ހިތްވަރު ދެއްވި ބޭފުޅުންނެވެ.

ފަހެ، ދަންނާށެވެ! އެދުވަސްވަރު އެތެރޭގަޔާއި ބޭރުގައި މިހަރަކާތް ދިޔައީ މަޑުމަޑުން އާރުލާއި ވަރުގަދަ ވަމުންނެވެ. ފައިސާގެ ދަހިވެތިކަމާއި އަމިއްލަ އެދުމުގެ ބޭނުމުގައި ސަރުކާރުގެ ބޮޑުން ނެގި ނާޖާއިޒު ފައިދާތައް ދިޔައީ ހުލިވެ ހަސްފަސްވެ ނެތެމުންނެވެ. އެބާރުތައް ދިޔައީ ރޫޅެމުންނެވެ. ނިކަމެތިވަނުންނެވެ.

ބޮޑު ޑިމޮކްރަސީގެ ވާހަކަތަކާއި ޒަމާނީ ޑިމޮކްރަސީގެ ވާހަކަތަކާއި ގިނަމީހުން އެއްވެ އެއްބައިވުމުގެ ޕުލޫރަލިޒަމްގެ ވާހަކަތަކާއި ސިޔާސީ ޕާޓީތައް އުފައްދާއި ހިންގުމުގެ ވާހަކަތަކާއި މިހުރިހާ ވާހަކަތަކެއް ހިތުތެރެއިން ނެރެލާއި ކަރުދާހުގައި ގަލަން ކުރެވިއްޖެއެވެ. ލުއިކަމާއެކު ދޫތަކުގެ މައްޗަށް އާންމު ވެއްޖެއެވެ. ބެލެނިވެރިން ސްކޫލްތައް ދޮށުގައި މަޖަލަށާއި ސީރިޔަސްކޮށް މިވާހަކަތައް ދައްކަންފަށައި ފިއެވެ.

ސިއްރު އެއްވުން ތަކުގައި ސިޔާސީ މަޝްވަރާތައް ކުރެވެން ފަށައިފިއެވެ. ހިފެހެއްޓުމެއްނެތި ބޭރުވާން ފަށައިފިއެވެ. ބިރެއްނެތި އާންމުވާން ފަށައިފިއެވެ. އުސްތާޒުންނާއި އެދުރުންގެ އެހީގައި ޒުވާނުންގެ ތެރޭގައި އިސްލާހީ ހަރަކާތުގެ ރޫހު އާލާވެ. ތަރުހީބު ލިބެން ފަށައިފިއެވެ. އެކަކާއަނެކެއްގެ އަތާއަތް ގުޅާލައިފިއެވެ. ރައީސް މައުމޫނާއި ދެޒާހިރުންނަށް ރޫޅާނުލެވޭވަރުގެ ވަރުގަދަ، ބިޔަބާރަކަށް ވެއްޖެއެވެ. ފިކުރެއްގެ ބާރަކަށް ވެއްޖެއެވެ.

ފަހެ، ސިޔާސީ ބޭފުޅުންގެ މިނިވަން ވިސްނުންފުޅުތައް ކުރިފަޅައިގެން ހެދިގަތީ، ހ.ސަފީގުގޭ ޖޯލިފަތީގެ ވަށައިގެންނެވެ. އެހެންބައެއްތަން ތާގައެވެ. ރީތި މާގަސްތަކުގެ ބަގީޗާތަކު ތެރޭގައެވެ. ރަށްފުށުގެ ހަމަހިމޭން ޖައްވުގައެވެ. ހުނދުވަރުގެ އަލީގައި ކިޔޮޅުކަމުގެ ދަތުރުތަކުގެ ތެރޭގައި ކަނޑުމަތީ ގައެވެ. މިފަދަ އެތައް، އެތަކެއް ޖޯލިފައްޗާއި އެތައް އެތަކެއް ބަންދުކޮޓަރިތަކާއި ފެންޑާތަކާއި އެކިތަންތަނުގައެވެ.

އާދެ! ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި އުފެއްދެވި، ރައްޔިތުންގެ ހާއްޞަމަޖިލީހުގެ ޖަލްސާއެއްގައި، 20 ޖުލައި 1994 ވީ ބުދަ ދުވަހު އޮތް އެމަޖުލީހުގެ އިއްޒަތްތެރި، 86 މެމްބަރުންގެ ހާޒިރުގާ ހިގަމުންދިޔަ ބައްދަލުވުމުގައި މަލްޓިޕާޓީ ޑިމޮކްރަސީ ސިޔާސަތުގެ ވާހަކަ ފާޅުގައި ދެކެވިއްޖެއެވެ. ޑްރާފްޓް ކޮމެޓީން ޑްރާފްޓް ކުރެވިގެން މަޖިލީހުގެ ބަހުސަށް ދެވަނަ ފަހަރަށް ގެނެވިފައިވާ، ޖަމާއަތްތަކާއި ޖަމްޢިއްޔާތައް އުފެއްދުމުގެ މިނިވަން ކަމާބެހޭ މާއްދާއާއި މެދު އެޖެންޑާ ކުރެވިގެން ހުޅުވާލެވުނު ބަހުސުގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި ބެހޭގޮތުން އެމާއްދާއަށް އިސްލާހެއް ހުށަހެޅި ތާއީދު ލިބުނެވެ.

މިމާއްދާއާމެދު ބަހުސްކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި މިވާހަކަތައް ވަރަށް ފުޅާ ދާއިރާއެއްގައި މަޖިލިސްތެރެއަށް، އިސްލާހީ ހަރަކާތުގައި އިސްކޮށްތިއްބެހި އިއްޒަތްތެރި މެންބަރުންވަނީ ގެނެސް ދެއްވާފައެވެ. މިއީ ސުމުއްވުލް އަމީރު އަމީންދީދީ އުފެއްދެވި މުތަގައްދިމު ޕާޓީގެ ހަރަކާތްތައް އޭރު ހުއްޓުމާއެކު ކުލަބުތަކަށް ޖާގަދެއްވާފައި އޮތުމަށްފަހު، ސީޔާސީ ޕާޓީއެއް ހަރަކާތް ތެރިވުމުގެ ވާހަކަ އަސާސީ އިސްލާހު ކުރުމުގައި ޚާއްޞަމަޖިލީހުގައި ދެކެވި އެކަމަށް އިސްލާހެއް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

މިޖަލްސާ ވެގެންދިޔައީ ސިޔާސީ ޕާޓީތައް ހުއްދަކުރުން، އެމާއްދާއަށް އިސްލާހެއްގެ ގޮތުގައި، އަސާސީގައި މައުނަވީ ގޮތެއްގައި ސިޔާސީ ޕާޓީ ހިންގާނެ ހުއްދަ ހިމެނުމަށް ހުށައެޅި ތާއީދުލިބުނު ފަޚްރުވެރި ޖަލްސާއަށެވެ.

އަޅުގަނޑަކީ، މިޖަލްސާ އަޑުއަހާއި އެމަންޒަރު ލޮލުންދުށް މީހެކެވެ. އެދުވަހު ރިޔާސަތުގައި އިންނެވި އަލްއުސްތާޒު އަބްދުލްﷲ ހަމީދު ކަންތައް ކުރެއްވިގޮތާއި އަޅުގަނޑަށް އިހުސާސް ކުރެވުނު ޝުއޫރުތަކުގެ މައްޗަށް ބިނާކޮށް ރައީސް މައުމޫނަށް އަޅުގަނޑު ލިޔުނުސިޓީ މިތަނުގައި ކިޔުންތެރިންނަށް ގެނެސްދޭނަމެވެ. ކިޔުއްވާ ލައްވާށެވެ.

މިއީ، އަކުރުން އަކުރަށް އެސިޓީގެ މަތަނެވެ. ބިސްމިޔަށްފަހު :

މ.ޖަވާހިރުވާދީ، މާލެ.

ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލް ގައްޔޫމަށް .

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މިސިޓީއަކީ ދެތިން ވާހަކައެއް ދަންނަވާލަންލިޔާ ސިޓީއެކެވެ. 20 ޖުލައި 1994 ގައިއޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާ އަޑުއެހުމަށް އަޅުގަނޑާއި ކަޅުހުރާގޭ މުހައްމަދު ލަތީފާއި ކެނެރީގޭ މުހައްމަދު ނަސީދު (އަންނި) ގޮސްތިބީމެވެ. އެދުވަހު އެންމެ ފޯރިގަދަކޮށް ބަހުސްކުރެވުނީ ކުލަބް ޖަމްއިއްޔާ، ޖަމާއަތްތަކާއި ޕާޓީ އުފެއްދުމުގެ މިނިވަންކަމާބެހޭ މާއްދާއާ ގުޅިގެންނެވެ. އެދުވަހަކީ، ރައްޔިތުންގެ މަޖިލިސް ކުރާގޭގެތެރޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދެކެވުނު ފުރަތަމަ ދުވަހެވެ. އަޅުގަނޑު ހަދާންވާ ގޮތުގައި އެއިސްލާހު ހުށައެޅުއްވީ ރ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އަލީ މޫސާ ދީދީއެވެ. ތާއީދު ކުރެއްވީ އެއަތޮޅުގެ އަނެއް އިޒަތްތެރި މެމްބަރު ކަނދޮޅުދޫ އަލީ ވަހީދު އަބްދުއްރައްޒާގެވެ.

އެހެނަސް އެކަން ނިމިދިޔައީ، އަޅުގަނޑު އެންމެ ބޭނުންވި ގޮތާހިލާފަށެވެ. ވަރަށް ހިތާމަވެރި ގޮތަކަށެވެ. އަޅުގަނޑުމެން އެދިއެދި ތިބީ އެހުށަހެޅުއްވުމަކީ، އިސްލާހެއް ކަމަށް ބަލައިގަނެ ވޯޓަށްއެހި، އެހެން ބައެއް ކަންތަކަށް ވެގެންދާގޮތަށް ފާސްވަންޏާ ފާސްވެ ފާސްނުވަންޏާނުވެ، ރީތިގޮތަކަށް ނިމިދިއުމަށެވެ. އެހެނަސް އެދުވަހު ވީގޮތަކީ، އެހުށަހެޅުއްވުމަކީ ޑްރާފްޓް ގާނޫނު އަސާސީ ދެފަހަރެއްގެ މަތިން މަޖިލީހުގައި ބަހުސްކުރެވި އަދި ކޮމެޓީތަކުގައިވެސް އެތައްދުވަހެއް ވަންދެން ބަހުސް ކުރެވުނު އިރުވެސް އައިސްފައިވާ ޚިޔާލަކަށް ނުވާތީ، އިސްލާހެއްގެ ގޮތުގައި ރިޔާސަތުން އަބްދުﷲ ހަމީދު ގަބޫލު ނުކުރައްވާ ވޯޓާހަމަޔަށް ގަސްދުގައި ނުގެންދެވީއެވެ.

މިއީ މާރީތިކަމަކަށް ނުވިއެވެ. އެހެނަސް ވޯޓަންއެހި ފާސްނުވިނަމަ މާރީތިވީހެވެ. ކޮންމެއަކަސް އެދުވަހަކީ އަޅުގަނޑާއި ކަޅުހުރާލަތީފާއި އަންނި އައި، ތިންމީހުންގެ މެދުގައިވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ވެއްޖެކަމަށް ވާހަކަދެކެވި، ސައްލާކޮށް ހިޔާލު ކުރެވުނު ދުވަހެވެ.

އަޅުގަނޑަކީވެސް މިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ސިސްޓަމް ހިމެނޭ ސިޔާސަތެއް އޮތުމަށްރުހި އެކަމަށް ބާރުއަޅާ އެކަމާ ފިކުރުކޮށްހަދާއި ޚިޔާލުކޮށްއުޅޭ، މީހަކަށްވާތީ އެވާހަކައަށް ތާއީދުކޮށް ފޯރިދިނީމެވެ. މަސްއޫލު ދެމެމްބެރުންގެ ގޮތުގައި ތިބުމަށް ވާހަކަދެކެވި ހަމަޖެހުނީ ލަތީފުއާއި އަންނިއެވެ. އަޅުގަނޑު އަމަލީގޮތުން މިކަމުގައި ބައިވެރިވަން މިނިންމީ ލަތީފު އެދުރަކަށް ހުންނެވީމައެވެ. އޭނާއަކީ، ރާއްޖޭގެ ގާނޫނުތައް ރަނގަޅަށް ދަންނަ އަދި އެފަދަކަމެއް ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ކުރިޔަށް ގެންދެވިދާނެ ފެންވަރުގެ މީހަކަށް ވާތީއެވެ.

ޕާޓީގެ ނަމަކަށްކިޔަން އަދި ހިޔާލު ކުރެވިފައި އޮތީ ”ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ ” (ޕީޑީޕީ) އެވެ. އަސާސީ ގަވައިދާއި ހިންގާ ގަވައިދު އެކުލަވާލެވުމުން އެދެބޭފުޅުން މިޕާޓީ ރަޖިސްޓްރީ ކޮށްދިނުން އެދި، ހޯމް މިނިސްޓްރީއަށް އަދި އޮތީ ހުށަހަޅުއްވާ ގޮތަށެވެ. އަޅުގަނޑުމެން މިތިބީ މިގޮތުގެ މަތީގައެވެ. އަޒުމްކަނޑައަޅައި ގެންނެވެ.

ދުނިޔޭގެ އެހެންބައެއް ގައުމުތަކެކޭ ވެސް އެއްގޮތަށް މިރާއްޖޭގައި ވެސް މަލްޓި ޕާޓީސިސްޓަމް ސިޔާސަތު ތައާރުފު ކުރުމުގެ ވަގުތު އަތުވެއްޖެ ކަމުގައި އަޅުގަނޑު މެން ދެކެމެވެ. އެއީ ގާނޫނީ ބާރު ލިބިފައިވާ ސިޔާސީ ޕާޓީއެއް ނެތި މިހިންގާ ކަންކަމަކީ، ވަކިރަގަޅު ކަންކަމަށް ނުވެފައި ގައުމަށްފައިދާހުރި ކަންކަމަށް ނުވާތީއެވެ. މިހާރުގެ މަސްރަހަށް ބަލާލައި ދިރާސާ ކޮށްލާއިރުވެސް އެފެންނަ ގޮތް، ކުރު ޖުމުލައަކުން ދަންނަވަން ކުރުކޮށްލައިފިނަމަ ދެންނެވޭނީ، ފައިސާއާއި ނުފޫޒު ހުރިމީހުން ވޯޓް ގަންނަމުންދާ ކަމެވެ.

ސަރުކާރަށްވުރެ ސަރުކާރުގެ ދަށުން ހިންގޭ ވަކިވަކި، މުނައްޒަމާތައް އެދާއިރާއެއްގައި ވަރުގަދަވެ. ބާރުހިންގާ ނުފޫޒު ފަތުރާކަމެވެ. ޓޫރިޒަމް ދާއިރާއިން “މަޓީ” މިސާލަކަށް ނެގެއެވެ. ވިޔަފާރި ވެރިންގެ ފަރާތުން ވިޔަފާރި ވެރިންގެ ޖަމްއިއްޔާ ފުދެއެވެ.

ކުރިޔަށް އޮތްތަނުގަ މިކަހަލަ ގިނަ އެސޯސިއޭޝަންތައް އުފެދޭނެއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މިހާރަށްވުރެ ކުރިޔަށް އޮތްތާގައި މިމުނައްޒަމާތަކުގެ ނުފޫޒާއި ބާރު ސަރުކާރުގެ ނަގާކިއުމަށްވުރެ ގަދަވާނެއެވެ. ދެން ބެލެވެން ފައްޓާނީ، އެބައެއްގެ ފައިދާއަށާއި މަންފާއަށެވެ. މުއްސަދި ވަކިވަކި ފަރުދުންގެ ބާރަށެވެ. ގައުމީ މަސްލަހަތުގެ ދިފާއުގައި ތިބެވޭނީ ވަރަށް މަދު ބަޔަކަށެވެ.

އަޅުގަނޑުގެ ވިސްނުމަށް ފެންނަނީ، ފަރުދީ ހައިސިއްޔަތުން ނަގުދު ފައިސާދީފައި ވޯޓު ގަންނަ ސިސްޓަމާއި މާއްދީ ވަކިދާއިރާއަކުން މުނައްޒަމާއެއްގެ ސިފާގައި ވޯޓު ގަތުމަށް ބާރުލިބިދޭ ސިސްޓަމް، މިއޮންނަ އުސޫލުން އޮތުމަށްވުރެ މަލްޓިޕާޓީ ސިސްޓަމް ސިޔާސަތު ތައާރަފު ވެއްޖެނަމަ، ގައުމުގެ މަސްލަހަތު މާބޮޑުވެފައި ރައްޔިތުންނަށް ފައިދާ ބޮޑުވާނެ ކަމަށެވެ. އޭރުން ފަރުދީ ވަކިވަކި ވިޔަފާރިވެރިންގެ ފަރުދީ ނުފޫޒު ކުޑަވެ. މާއްދީ ވަކިދާއިރާއެއްގެ ބާރާއި ނުފޫޒު ބޮޑުވެގެނެއް ނުދާނެއެވެ. މިއީ އަޅުގަނޑަށް ވިސްނޭ ގޮތެވެ.

މިއީ ރައީސަށް އެންމެ ރަގަޅު ގޮތްކަމުގައި ނުވެވެސް ހިގައިދާނެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް މިދެންނެވި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްދެއްވުން އެދި ހުށަހެޅިއްޖެނަމަ ރައީސް އަރިހަށް ދާނެކަން ކަށަވަރެވެ.

ވީމާ އެކަމަކީ އަލުގަނޑު އަމަލީގޮތުން ބައިވެރިވެގެން ހިންގާކަމަކަށްވާތީ، އިތުރު ހިތްވަރަކާއި ބާރެއް އެޅުމުގެ ގޮތުން ފަޚުރުވެރިކަމާއެކު، ދަންނަވާލާ ހިތްވީއެވެ. ގިނަ ސޮސައިޓީތައް މިހާރުދަނީ ހުޅުވެމުންނެވެ. އެންމެ ބަންދު މުޖުތަމައެއްގެ ގޮތުގައި ބެލެވެނީ ސައޫދީ މުޖުތަމައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އޮއިވަރާއެކު ހުރިހާ މުޖުތަމައެއްވެސް ދުވަސް ވީވީހެން ދަނީ ހުޅުވެމުންނެވެ.

ދުނިޔެއިން ބޮޑު ދެބާރުގެ އަރާރުންގަނޑު (ފިނިހަގުރާމަ) ނިމިގެންދިޔަފަހުން އެންމެ ބޮޑަށް ސަމާލުކަން ދެވިގެން ކުރިއަށް ގެންދެވޭ ކަމަކަށް ވެފައިވަނީ، މިޒާތުގެ ހުޅުވާލުމުގެ ސިޔާސަތު ތަކެވެ. ޕާޓީސިސްޓަމެވެ. ފަހަރެއްގައި ރައީސަށް މިކަހަލަ މުޖުތަމައެއްގައި، އަދި މަލްޓިޕާޓީ ޑިމޮކްރަސީ ސިސްޓަމަށް ދޮރު ހުޅުވާލުމަކީ، ފެނިވަޑައި ގަންނަވާ ކަމަކަށް ނުވެދާނެއެވެ. އެހެނަސް ދުނިޔޭގެ ގިނަ ހިސާބުގައި ދެކެނީ އެގޮތަކަށް ނޫނެވެ. އޭގެ އިތުރަށް މިކަމަށް މަސައްކަތް ކޮށްދީ މަގުފަހި ކޮށްދިނުމަށް ބޮޑެތި ގައުމުތަކުން އެގައުމުތަކުގެ ދޮރު ހުޅުވާލުމުގެ އިތުރަށް އެމަސައްކަތަށް ދައުލަތުގެ ބިމުންވެސް ޖާގަދޭން ތިބެނީ ތައްޔާރަށެވެ.

ގާނޫނު ހުއްދަކުރާ ހައްގުތައް ރައްޔިތުންނަށް ހޯދައިދީ ދިފާއު ކޮށްދިނުމުގެ އިދާރީ އޮފީހެއް ހެދުމުގެ ނަމުގައެވެ. ބޭނުމުގައެވެ. އަދި މިނޫންވެސް އެތައްގޮތަކަށެވެ. މިއީ މިކަން ހިގާނެގޮތެވެ. ހުޅުވޭނެކަން ކަށަވަރެވެ. އެއްވެސް ހާލެއްގައި ޝިއްދަތާއި ޢުންފަކީ، އަޅުގަނޑު ލޯބިކުރާނެ ކަމެއް ނޫނެވެ. ރައްޔިތުން ހަގުރާމައަށް ނުކުމެ ލޭއޮހޮރުވާކަށް ނުޖެހޭނެއެވެ. ދުލާއި ގަލަމުން ހައްލު ނުވާނެކަމެއް އޮވެގެން ނުވާނެއެވެ. ރައްޔިތުންގެ ހިޔާލު މާވަރުގަދަ ވާނެއެވެ.

ވީމާ ކުރިންވެސް ދަންނަވާފައި ވާނެފަދައިން އަޅުގަނޑުގެ ފަރާތުން ރައީސަށާއި ރައީސްގެ ސަރުކާރަށް ގެއްލުމެއްވާފަދަ އަދި ގާނޫނު އަސާސީއާ ޚިލާފުކަމެއް ނުހިގާނެއެވެ. އަދި އަޅުގަނޑަށް އެގިގެންވެސް އަސާސީއާ ޚިލާފު އެފަދަ ޢަމަލެއް ހިގާ ނުދާނެކަމުގެ ޔަގީންކަން އަބަދުވެސް އަރުވަމެވެ.

އިޙްތިރާމްޤަބޫލު ކުރެއްވުން އެދެމެވެ.

10 އޮކްޓަބަރ 1994މ. 05 ޖުމާދަލްއޫލާ 1415ހ.

އަޚޫކުމުލްމުޠީޢު، ސޮއި،

އިލްޔާސް ހުސައިން އިބްރާހީމް،

ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، މާލެ ދިވެހިރާއްޖެ.

އާދެ! 22 އޮކްޓޫބަރ 1994 ދުވަހު ރައީސް މައުމޫނު، މިސިޓީއަށް ދެއްވި ޖަވާބަކީ،

“ސިޔާސީޕާޓީ ރަޖިސްޓްރީ ކޮށްދިނުމަކީ، އަލަށް ފަށަންޖެހޭ ކަމަކަށްވާތީ ސަރުކާރުން އެކަން ނިންމާނީ ބަލަންޖެހޭ ހުރިހާކަމަކަށް ބެލުމަށްފަހު ގައުމަށް އެންމެ ފައިދާހުރި ގޮތަށެވެ.” މިއެވެ.

އާދެ! މިދަންނަވާލެވުނީ މުތަގައްދިމު ޕާޓީއަށްފަހު ދިވެހި ދައުލަތުގެ ސަރުކާރަށް، ޖަމްއިއްޔާ ކުލަބް ޕާޓީފަދަ ޖަމާއަތްތައް ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދިނުމަށް އެދި ހުށަހެޅުނު ސިޔާސީ ޕާޓީކަމުގައިވާ ”ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ” (ޕީޑީޕީ) އަށް ދިމާވިގޮތުގެ ވާހަކައެވެ.

އާދެ! މިއީ، އެދުވަސްވަރު ހިންގުނު އިސްލާހީ ހަރަކާތުގެ ވަރަށްކުރު ޚުލާސާއެއްގެ އުސް އަލިތަކެކެވެ. މިޙަރަކާތުގެ އިބްތިދާއީ މަރުޙަލާއާއި ސާނަވީ މަރުޙަލާ ނިމުނީ، 1999 ވަނަ އަހަރުގެ ނިމުމާ ހަމައަށެވެ. ދެންއޮތީ، އިސްލާހީ ހަރަކާތުގެ މަތީމަރުހަލާއެވެ.

އިސްލާހީ ހަރަކާތުގެ މަތީމަރްހަލާ :

އާދެ! 2000 ވަނަ އަހަރުން ފެށިގެން ދެންފެށުނީ، މިހަރަކާތުގެ ތިންވަނަ މަރުޙަލާ ކަމުގައިވާ މަތީމަރުހަލާއެވެ. 2000 ވަނައަހަރުން ފެށިގެން ކުރިޔަށް މިދަނީ، އިސްލާހީ ހަރަކާތުގެ މަތީމަރުހަލާއެވެ. މިއީ، ޕްރިންޓް މީޑިޔާއަށް ފަހު، ޒަމާނީ މަރްހަލާއަށް ގިރާކުރުމެވެ.

ފަހެ، މިމަރުހަލާއަކީ، އިލެކްޓްރޯނިކް މީޑިޔާއާއި މަގުމަތީގެ އަވަސް ހަރަކާތުގެ، ނަތިޖާހޯދާ މަރުޙަލާއެވެ. ފްރީޑަމަށް ގޮވާލާ ސައިޓްތައް ދިވެހިބަހުން ފެންނަން ފަށައިފިއެވެ. އިނގިރޭސި ވިލާތުގައި ދިވެހި އޮބްޒާވަރ ކިޔާ ވަރަށް މަޝްހޫރު ދިވެހި ސައިޓެއް ކުޑަސައްޕެގެ ހިތްވަރާއި ހީވާގި ބުރަ މަސައްކަތުން ފެށިއްޖެއެވެ. ފަސްސަންގު ކިޔާ ސައިޓަކުން އެނަމުގައި ލިޔަން ފަށައިފިއެވެ. ނެޓުން ލިބެމުންދާ ސަންދާނު މާލޭގެ އޮފީސް ތަކުގައި އާންމުވެއްޖެއެވެ. އެންމެންހެން ސިއްރުން އަންބޮޑީގައި ގެންގުޅެން ފަށައިފިއެވެ. މޯލްޑިވްސް ކަލްޗަރ ޑޮޓްކޮމުން ކޮށްދެއްވި މަސައްކަތްތައް ވަރަށް ކަމިޔާބެވެ.

ފަރީޝާއާއި މައިކަލް އަށް ސާބަހެވެ. ﷲގެ އިރާދަފުޅުން މިމަރްހަލާ ނިމިގެންދާނީ، އިސްލާހީ ހަރަކާތަށް ނަސްރު ލިބިގެންނެވެ. ކާމިޔާބު ވެގެންނެވެ. 42 މީހުން ސޮއިކޮށް “އެމްޑިޕީ” ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށުނީ، މިމަރްހަލާ ފެށުމާއެކު ހެންނެވެ. 2001 ވަނަ އަހަރުގައެވެ.

ދެންފަހެ ނަތީޖާހޯދުމުގެ މަތީފެންވަރަށް އިސްލާހީ ހަރަކާތް ބަދަލުވުމާ ގުޅިގެން ރައީސް މައުމޫނުގެ ސިއްރު އެޖެންޓުން، މޮޅު ރޭވުންތަކެއްގެ ދަށުން ދެވަނަ މޫނެއް ދައްކައިގެން، ވިހަ ޖަރާސީމެއްގެ ގޮތުގައި ފޮރުވިގެންތިބެ، މިޙަރަކާތާ ގުޅެން ފަށައިފިއެވެ. ހަރަކާތް ވިހަކޮށްލުމުގެ ބޭނުމުގައެވެ. ހެކިތަކާއެކު ފެނި، ފައުޅު ވެފައިވަނީ، މިހަރަކާތާ، ގުޅިވަޑައިގެންނެވި މިހާރުވެސް ރައީސް މައުމޫނުގެ ހިންގުން ތެރިކަމަށް ހަމްދަރުދީވެ ވަޑައިގަންނަވާ، މިހާރުގެ ފިނޭންސް މިނިސްޓަރ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރަކަށް ހުންނެވި، މިނިސްޓަރ ގާސިމް އިބްރާހީމްއެވެ.

ކޮންމެ ރިޔާސީ އާދައުރެއްގެ ރިޔާސީ އިންތިޚާބުގައި އެންދެރި ކޭންޕަށް އެހީވުމުގެ ގޮތުން ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވާ މަހުޖަނެކެވެ. ދިވެހިރާއްޖެއަށް ރައީސް މައުމޫނު ލައްވާ ބެޓަރ ޑިމޮކްރަސީ ގެ ޓީޝާޓްތަކެއް ތަޢާރުފްކޮށް ދެއްވި ވިޔަފާރި ވެރިޔާއެވެ. ފަހެ، ރައީސް މައުމޫނު މިހަރަކާތުގެ ތެރެއަށް ގާސިމު ނެރުއްވީ، އެންދެރި ކޭންޕުގެ ވިސްނުމާއި ފިކުރުގެ ދަށުންނެވެ. ރައީސް މައުމޫނުގެ މާސްޓަރ މައިންޑްގެ ދަށުން މިރޯލް ކުޅެދެއްވަނީ، އެންދެރިމާގޭ އައްބާސް އިބްރާހީމް އަދި އިލްޔާސް އިބްރާމީމް މެވެ.

އާދެ! 28 ފެބްރުއަރީ 2001 ވީ ބުދަދުވަހު އަމިއްލަ 42 ފަރާތެއްގެ މަސްއޫލު ވެރިކަމުގެ ދަށުގައި، ގާނޫނު އަސާސީގެ ހަތާވީސްވަނަ މާއްދާގައި ރައްޔިތުންގެ މުހިންމު ހައްގެއްގެ ގޮތުގައި ރައްޔިތުންނަށް މިލްކު ކޮށްދީފައިވާ، ޖަމާއަތް ހެދުމުގެ ހައްގުގެދަށުން، އަދި އާއްމު ގާނޫނު ތަކުގެ ގާނޫނު ނަމްބަރ: 82/26 (ޖަމްއިއްޔާ ކުލަބް ޕާޓީފަދަ ޖަމާއަތްތައް ރަޖިސްޓްރީކުރުމުގެ ގާނޫނު) ން، ވަރަށް ތަފުސީލުކޮށް ބަޔާންކޮށް، ބުނެދީފައިވާ ފަދައިން “ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ދިނުމަށްއެދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ދެންނެވުމާ ގުޅިގެން، އެމިނިސްޓްރީން އެދި ވަޑައިގަތީ، މިދެންނެވި ބަޔާޅީސް މީހުންގެ ކުށުގެ ރެކޯޑްބަލާ ސާފުކުރުމަށްފަހު އެފޯމުތަކާއެކު، ގަވާއިދުން ހުށަހެޅުމަށެވެ.

ދެންފަހެ އެބުނާ ޤަވާޢިދާއި އުސޫލުތަކުގެ ދަށުން، 42 މަސްއޫލު ވެރިންގެ ކުށުގެ ރެކޯޑް ސާފުކޮށް، ހުރިހާ ކަރުދާހެއް ހަމަކުރުމަށްފަހު، މިނިސްޓަރ އިސްމާއީލް ޝަފީޢު ގެ އަރިހަށް ހުށަހެޅުނީ، 19 މާރޗް 2001 ދުވަހުގެ 12.45 ގައެވެ. މިހުށަހެޅުމަށް ހަވާލާދެއްވައި، މިނިސްޓްރީން ޖަވާބު ދެއްވީ، 5 އޭޕްރީލް 2001މ. ގައެވެ. އެއީ “ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީ ކޮށްދިނުމަށްއެދި މިމިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ މައްސަލާގައި މިމިނިސްޓްރީން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، އެކަންތައްތައް ބެލުމަށްފަހު ޖަވާބެއް އަރުވާނަމެވެ.” މިފަދައިންނެވެ. މިކަމުގައި އިސްލާހީ ހަރަކާތުގެ ދަރިވަރުންނާއެކު ބޮޑުމީހެއްގެ ހައިސިއްޔަތުން އުޅުއްވީ ގާސިމެވެ. ގާސިމު މިސައްކަތް ފެއްޓެވީ ވަހީދުއަރިހަށް މަޝްވަރާ ދަތުރެއް ކުރެއްވުމަށް ފަހުގައެވެ.

އާދެ! މިދުވަސްވަރު ވެސް ދަރިވަރުންގެ ލީޑަރަކަށް ހުންނެވީ އަންނިއެވެ. އިސްވެ ފުރަތަ މީހަކަށް، ގާސިމު ސޮއި ކުރެއްވުމަށް ފަހެ، އެކަރުދާސްތައް ހިއްޕަވައިގެން ވަޑައިގެންނެވީ، މާފަންނު ޖަވާހިރުވާދީ އަށެވެ. އަޅުގަނޑު ލައްވާ ދެވަނަމީހަކަށް އެފޯމުގައި ސޮއިކުރުވުމަށެވެ.

ގާސިމާއި ނޯޝާދު ވަހީދާއި ހަންނާނު، މިޓީމުގައި ތިއްބެވިއެވެ. ގާސިމު މިފޯމް ދިއްކޮށްލުމުން ޖެހިލުމެއްނެތި އޭނާގެސޮއިގެ ދަށުގައި އަޅުގަނޑުގެ ސޮއި ކޮށްފީމެވެ. މިކަން ހިނގީ ޖަވާހިރުވާދީ ދެކުނުކޮޅުގެ ފެންޑާގައި ހުންނަފަތްޖަހާ ލެވޭވަށްތަރުގެ ލަކުޑި ތިން ސަރަންފީގައި ތިބެގެންނެވެ. މިއީ، އޮށޯވެވޭގޮތަށް ބޯފޮތި ލައްވާފައި ހުންނަތިން ސަރަންފީއެވެ.

ފަހެ، މިތިން ސަރަންފީއަކީ، ސިފައިން ހިންގި ތަހުގީގުތަކުގައި ވަރަށް މަޝްހޫރު ސަރަންފީތަކެކެވެ. ޖަވާހުރުވާދީގެ އެފެންޑާގެ ޗާޓަކީވެސް ތަހުގީގު ތަކުގައި ބޭނުންކުރި ކުރެހުމެކެވެ. ޖަވާހިރުވާދީ އަކީ، މިހަރަކާތުގައި އެންމެބޮޑަށް ފާރަލީ އެއްމަރުކަޒެވެ.

އަލްމަރްހޫމް ކާށިދޫ ހުސައިން އިބްރާހީމްފުޅު ޖެހިގެން އިރަށް ހުންނަ އުނިމާގޭގެ ތެރެއިންއަރާ، ޖަވާހިރުވާދީގެ ފުރާޅުމަތީގައި ހުއްޓައި ފެނިފައިވެއެވެ. މިކަންތަކުގެ އިތުރަށް، އެންދެރި ކޭންޕުން މަދަދުދީގެން، ބިންބިފޯހުގެ އިސްލީޑަރުން ގޮތުގައި ހަތަކާތްތެރިވި “ކޮނޑޭތުއްތުމަނިކު” މެން ކަހަލަ ބައެއްމީހުން، ޚާއްސަކޮށް އަޅުގަނޑު ބަންދުކުރުމާ ގުޅިގެން، ޖަވާހިރުވާދީ ދޮށަށް ދަންވަރު އައިސް ކަރުގޮހޮރު ފަދަ އެއްޗެހި އުކާއި ފަންޑިތަ ހަދާފައިހުންނަ ބިސް ވަންނަ ދޮރާށި ތެރޭގައި ވަޅުލާއި މިކަހަލަ އުނދަގޫތައް ކޮށްފައިވާކަން ފަޅާއަރާފައި ވެއެވެ.

މިކަންތަކަކީ، ދައުލަތުން ޚަރަދުކޮށްގެން ހިންގާ، “ބިންބިފޯސް” އެންމެގަދަ ހަދާފައި މާލެތެރޭގައި ހަރަކާތްތެރިވި ދުވަސްވަރު ކުރިކަންތަކެވެ. އަޅުގަނޑުގެ ކޮއްކޮމެންނަށް ބަޑިބޭސް ކަޓޫރަގަނޑެއް ގޮއްވާލަން ޖެހުނީވެސް ބިންބިފޯހުގެ މިފަދަ ޖެއްސުންކުރުމާއި އުދަގޫތައް އިންތިހާއަށް ބޮޑުވެގެންނެވެ.

އަދި ފާޅުގައި އިސްލާހީ ހަރަކާތުގެ މީހުންނަށް މަރުގެ އިންޒާރުދީ، ޖަވާހިރުވާދީއަށް އުދަގުކުރުން ކަހަލަ އެހެނިހެން ދުއްޕާން ކުރާތީއެވެ. ފަހެ، ތަހުގީގުގައި އަޅުގަނޑަށް ކުރިމަތިކުރި އެންމެގިނަ ސުވާލުތަކަކީ، މިސަރަންފީތަކުގައި ތިބެގެން ގާސިމާއި ޑޮކްޓަރ ވަހީދާއި ގޯގޯލަތީފުމެން ދެއްކީ ކޮންވާހަކަތަކެއް ތޯއެވެ؟

ރައީސް މައުމޫނޭ ކިޔައިގެން މިސަރަންފީ ތަކުގައި ދެއްކީ، ކޮންވާހަކަތަކެއް ތޯއެވެ؟ ރައްޔިތުން މަޖިލީހުގައި، ރައީސް މައުމޫނަށް އިތުބާރުނެތް ކަމުގެ ވޯޓެއްނަގަން، ވާހަކަދެއްކިން ތޯއެވެ؟ ކުރިމަތީގައި ބާއްވާފައި އޮތްޗާޓުގައި ކުރަހާފައޮތް ގޮތުން، އެވާހަކަތައް އެސަރަންފީ ތަކުގައި ތިބެގެންދެއްކިއިރު، އަޅުގަނޑު އަޑުއިވޭހިސާބުގައި އެތިންސަރަންފީއައި ޖެހިގެން ހުޅަގަށްހުރި، އެއްތެޔޮފުރި ބޮޑުސަރަން ފީއެއްގައި އޮށޯވެގެން އޮތްކަމަށް ބުނެއެވެ.

އެއީ، ޖަވާހިރުވާދީގައި އަޅުގަނޑު އޮށޯންނަން އޭރުހުންނަ ލަކުޑިންހަދާފައި ހުންނަ، ބޮޑު ސަރަންފީއެކެވެ. ޖަވާހިރުވާދީއަށް އޭރުވަދެ އުޅުނު މީހަކަށްވިއްޔާ މިސަރަންފީތަކުގެ މަންޒަރު ސިފަ ކުރެއްވޭނެއެވެ.

ފަހެ، ދަންނާށެވެ! މިހާހިސާބަށް އިސްލާހީ ހަރަކާތް އައިއިރުވެސް ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި ދޮންޖޭމު އުމަރު ނަސީރަކީ، އެންދެރި ކޭންޕަށް ހަމްދަރުދީވާ ދެބޭފުޅުންނެވެ. އިބުރާ ފާޅުގައި މިހަރަކާތަށް ވެންނެވީ، މިނިވަން ބަހުސްތަކާ ހަމައިންނެވެ. 1999 ވަނައަހަރު އަންނި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވައިގެން ކެންޕޭން ހިންގިއިރުވެސް އިބުރާ ހުންނެވީ ދެއަތަށް ކިރިކިރިއެވެ.

އަނެއް ކެނޑިޑޭޓް އެންދެރިމާގޭ އިލްޔާސް އިބްރާހީމަށް، ސަޕޯޓް ކުރެއްވިކަމުގެ ތުހުމަތުގައި އަންނި ކޭންޕަށް ވަޑައިގެންނެވި ރެއެއްގައި ބޮޑެތި މައްސަލަތަކެއް ކުރިމަތި ވިއެވެ. އަރާރުން ގަނޑެއް ހިނގިއެވެ. މިވާހަކަ މިތަނުގައި ގެންނަން އަޅުގަނޑަށް މަޖްބޫރުވީ، މިހާރުގެ ބައެއް ޒުވާނުންނަށް ހަގީގަތް ނޭނގިތިބެ، އިސްލާހީ ހަރަކާތުގެ ބާނީންގެގޮތުގައި އިބުރާމެންކަހަލަ ބައެއްނަންނަން ބޭނުންކުރާ އަޑު އިވިފައިވާތީއެވެ.

އާދެ! އުމަރު ނަސީރަކީ، ރިފޯމިސްޓުންގެ ތަހުގީގުތައް ހިންގުމުގައި މިލިޓަރީ ފުލް ކިޓުގައި އަމަލީގޮތުން ބައިވެރިވި ބޭފުޅެކެވެ. އަޅުގަނޑު މެންނަށް ދަނގަނޑުބޫޓާއި އޭކޭ 47 ގެ ބަޑީގެ މުށްގަނޑު ދައްކާލި ބޭފުޅެކެވެ. އޭރުގެ ހަރުކަށި އަނިޔާވެރިއެކެވެ. އަދި އަބްދުއް ޝަކޫރު އަބްދުﷲ އާއި ތާހާވަހީދާއި ވ.ޅަހުއްތާއި މޯރާތައުފީގަކީ ވެސް މީގެ މީހުންނެވެ. އަދި ގާޒީއަކަށް ކުރިން އުޅުއްވާފައި ސިފައިންގެ ތެރެއަށް ވެންނެވި މުހަންމަދު އިބްރާހީމަކީ ވެސް މީގެތެރޭގައި އަރާހުންނެވި އަނިޔާވެރިމީހެކެވެ.

ސުވާލުކުރަމުން ކަށިމަތީގައި ދަނގަނޑު ބޫޓުން ތަޅާހެދި މީހެކެވެ. އަދި ތޯހާވަހީދަކީ ވެސް އިންސާނިއްޔަތުކަން އެއްގޮތަކަށް ވެސް ނުބަހައްޓައި، މީގެތެރޭގައި އުޅުއްވި އަނިޔާވެރި ވަޙުޝީ މީހެކެވެ. ތަހުގީގު ކުރައްވަމުން މައިންބަފައިންނާ ބެހިހެދި މީހެކެވެ. އަޅުގަނޑަށް އަޅުގަނޑުގެ ބައްޕަގެ ފޮޓޯއެއް ދައްކާލާފައި މުޅިއާއިލާ ދުއްވާލާނަމޭ ބުންޏެވެ. މިކަންކުރީ ވ،ޅަހުއްތާއި މީނައާ ތިބެގެންނެވެ.

ދަންވަރު މީނާ ތަހުގީގު ކުރައްވާރޭރޭ ބަނގުރަލުގެ ވަސްގަނޑު ގަދަޔަށް ދުވައެވެ. މިވާހަކަތައް އަޅުގަނޑު މިނިވަން ކުރަންވެގެން ރައީސް މައުމޫނުގެ އަރިހަށް ގެންދެވި ދުވަހު ކިޔައިދިނީމެވެ. ހެއްކާއެއްކޮށް ލިޔުމުން، ބައްލަވައި ދޭނަމޭ ވިދާޅުވިއެވެ.

އަޅުގަނޑު ހެކިން ނެރޭނީ ކޮންތާކުން ތޯއެވެ! އަޅުގަނޑާ ދިމާވި ކަންތަކުގައި ދެޒާހިރުން ފިލާތިއްބަވަނީ ނިވަލުގައެވެ. ކުރިމައްޗަށް ނުކުންނަވައި އަނިޔާކުރާކަށް އެއްގޮތަކަށް ވެސް ނުކެރެއެވެ. ދޫނިދޫގައި ހުން އުދޯއްޔެއްގައި އަޅުގަނޑު ތަހުގީގަށް ނެރޭ ރޭރޭ އާދަމްޒާހިރު އިންނަވާކަން އެނގެއެވެ. އަމުރު މައުރޫފު ނެރުއްވަން އިންނަވަނީއެވެ.

އާދެ! ދެންފަހެ، 2003 ސެޕްޓެމްބަރ އޮނަވިހި ވިއްސާއި، 2004 އޯގަސްޓް ބާރަ ތޭރަ، އައިސްނިމި ހިގައްޖެއެވެ. ސިޔާސީޕާޓީ ތަކުގެ ކޯޅުންތައް މަގުމަތިން ފެނިއްޖެއެވެ. ފަހެ، މިއީ އިސްލާހީ ހަރަކާތް މަގުމަތީގައި އަވަސް ހަރަކާތުގައި ހިންގުނު އެންމެފޯރިގަދަ ދުވަސްވަރެވެ. ކެބިނެޓްގެ ކުއްލިޖަލްސާއެއް ބޭއްވުމަށް ފަހު، އޮނަވިހިވިހި ސެޕްޓެންބަރ ގައިވެސް ބިސްމިކިޔާފައި އެންމެފުރަތަމަ ދޫނިދޫގެ ކުޑަގޮޅިޔަށް ގެންދިޔަމީހަކީ، އަޅުގަނޑެވެ. އެދުވަހު މާލޭގެ މަގުމަތީގައި ހިނގާދިޔަ ކަންތަކުގެ ތުހުމަތުގައެވެ.

ދޫކޮށްލީ 45 ދުވަހު ޖަލުގައި ބޭންދުމަށް ފަހުގައެވެ. މިނިވަން ބަހުސްތައް ތަފާތު ކުލަތަކާއި ތަޖުރިބާ ތަކާއެކު ފަހަނައަޅައި މާޒީވެއްޖެއެވެ. ވަރުގަދަ އިސްލާހީ ރޫހެއްގައެވެ. ސިޔާސީ ޕާޓީތައް ވަރުގަދަ ވާންފަށައިފިއެވެ. އެމްޑިޕީއަކީ، އެންމެ ޑިމޮކްރެޓިކް ޕާޓީކަމުގައި ގިނަ ޒުވާނުން ގަބޫލުކޮށް ފިއެވެ. އިސްލާހީ ހަރަކާތުގެ އަސްލު ކަމުގައި ވެއްޖެއެވެ.

ފަހެ، 2004 ގައި އަނެއްކާވެސް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފަށައި ދެއްވަން ރައީސް މައުމޫނަށް މަޖުބޫރު ވެއްޖެއެވެ. ބޭރުގައި އަރުވާލެވިގެން ތިބެފައި އައިމީހުންގެ ހަރަކާތްތައް ވަރަށްބާރަށް މަގުމަތީގައި އަވަސް ހަރަކާތެއްގެ ސިފައިގާ ފެށިއްޖެއެވެ.

އާދެ! އިސްލާހީ ހަރަކާތް ނިންމާލުމުގެ މަސައްކަތް ވަރަށްފޯރީގައި ވަރަށް ހަލުއިކޮށް ދަނީކުރިޔަށެވެ. ފަހެ، މިމަސައްކަތް، އޮތީކުރިއަށެވެ. ﷲ އިރާދަ ކުރެއްވިއްޔާ މިއީ، ކާމިޔާބު ހޯދާނެ ހަރަކާތްތެރި ޖަމާއަތެވެ. ޕާޓީއެކެވެ.

ވަރަށް ކުރުކޮށް މިދަންނަވާލެވުނީ، ދިވެހި ގައުމު ރައީސް މައުމޫނުގެ ދައުރުގައި ތަޖުރިބާ ކުރަމުންމިދާ އިސްލާހީ ހަރަކާތް، މަތީމަރުހަލާއަށް ދަތުރު ކުރި ގޮތުގެކުރު ޚުލާސާއެކެވެ.

ފަހެ، ދަންނާށެވެ! މިހާރު މިވަނީ އެންމެމަތީ ދަރަޖައަށް ގޮސްފައެވެ. ދެންބާކީއޮތީ ނަސްރާއި ކާމިޔާބެވެ. އާދެ! ދެންއޮތީ މިހަރަކާތުގެ ނަތީޖާހޯދާއި ލިބިގަތުމުގެ ފޮނިކާމިޔާބެވެ. ސީލްޖަހައި ނިންމާލުމެވެ. ﷲ، އިރާދަކުރެއްވިއްޔާ، 2008 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނުގެ ބާރުގަދަ ވެރިކަމުގެ ނިމުން އަންނާނެއެވެ.

ރައީސް މައުމޫނާއި ދެޒާހިތުން ފިލާނެއެވެ. ފަހެ، މަތީމަރުހަލާ ނިމިގެންދާ ގޮތް އެހެން މަޒްމޫނެއްގައި، އެހެންފަހަރެއްގައި ގެނެސްދޭނަމެވެ. އޭ! ﷲ އެވެ! އިޚްލާޞްތެރިންގެ އިޚްލާޞްތެރިކަން ކުރިއަށް ނެރުއްވައި، ﷲގެ ނަޞްރުން ޙައްޤު ނަޞްރު ދެއްވާ ފާނދޭވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page