ދިވެހި ދައުލަތުގެ ދާޚިލިއްޔަތާ އިނގިރޭސިން ބެއްސުން.
- ilyashusein
- Oct 22, 2009
- 4 min read
އިލްޔާސް ޙުސައިންއިބްރާހިމް. ލިޔުނީ: 2006މ. ގައި.
ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް، އިނގިރޭސި ގަވަރުނަރެއް ޒިޔާރަތް ކުރީ ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައި، ސަރަންދީބުގައި ބަހައްޓަވާފައި ހުންނެވި ދިވެހި ސަފީރު މެދުވެރިކޮށް ހިންގުނު ކަންތައްގަނޑެއްގެ ދަށުންނެވެ. ބާރުގަދަ ފަރާތްތަކުގެ އިސްތިޢުމާރުގެ ދަށުގައި ތިބުމަށްފަހު، މިނިވަންވި ދައުލަތުގެ ރައްޔިތުންގެ ހިތްތަކުގައި އަދިއަދާ ހަމައަށް ވެސް، އުފެދެމުންދާ ވަރުގަދަ ލޯތްބާއި ކުލުނު ހިނގަ ހިނގާ އޮވެއެވެ. އިސްތިޢުމާރު ކުރި ފަރާތްތަކުން ވެސް އިސްތިޢުމާރުގައި ތިބި ބައެއްދެކެ ލޯބި ވާނެއެވެ. ކުލުނު އޮންނާނެ އެވެ. އެދުމެއް އޮންނާނެއެވެ. ބައެއް މީހުން ކިޔަވާ ވިދާޅުވާ ރަށް ދެކެ އުފެދޭ ވަރުގަދަ ލޯތްބާއި ދާދި އެއްގޮތަށެވެ. މިސްރުން ކިޔަވާ މީހަކު މިސްރު ދެކެ ލޯބި ވާނެއެވެ. އެތާގެ އާދަކާދައަށް މަރުޙަބާ ކިޔާނެއެވެ. ސަޢުދިޔާއިން ކިޔަވާ މީހުން ސަޢުދި އަރަބިއްޔާ ދެކެ ލޯބިވާނެއެވެ. އެމެރިކާ އިންނާއި އެމެރިކަން ޔުނިވަރސިޓީ ތަކުން، ކިޔަވާ މީހުން އެމެރިކާ އާއެކު ގުޅުން ބާއްވާނެއެވެ. އިނގިރޭސި ވިލާތުން ކިޔަވާ މީހުން އިނގިރޭސި ވިލާތް ދެކެ ލޯބިވާނެއެވެ. ކުލުނު އޮންނާނެ އެވެ. މީގެ އިތުރުން، އެދައުލަތް ތަކުން ވެސް އެތަންތަނުން ކިޔަވާ ނިމިގެން ތިބޭ މޮޅު ދަރިވަރުން ފާހަގަކޮށް ގުޅުން ބާއްވާ ބަދަހި ކުރާނެއެވެ. އިސްކަމެއް ދޭނެއެވެ.
މިއުސޫލުގެ މަތިން ރާއްޖޭގައި، އިންޑިއާ ސަރުކާރުން ފާހަނގަ ކުރާ އިސް ދަރިވަރުން ތިބެއެވެ. މިސްރުން ވެސް ވަރަށް ޚާއްޞަކޮށް ފާހަނގަ ކުރާ އިސް ދަރިވަރުން ތަކެއް ތިބެއެވެ. އެމެރިކާއިން ވެސް އެތަނުން ކިޔެވި ކުދިންނަށް ސަމާލު ވާނެކަން ކަށަވަރެވެ. ގުޅުންތަކެއް އޮންނާނެއެވެ. ވަކިންޚާއްޞަކޮށް އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވެގެން ތިއްބަވާ އިސްދަރިވަރުން ފާހަގަކޮށް އެދައުލަތުން ހިތްވަރުދީ ހަދައެވެ. މިއީ، އެހެންގައުމު ތަކަށްވުރެ ފާޅުގޮތެއްގައި އިނގިރޭސިން ކުރާކަމެކެވެ. ގައުމުގައި ސިޔާސީ ކަންކަމުގައި އިސްކޮށް އުޅޭނަމަ، ވަކިން ޚާއްޞަ ނަޒަރަކުން ދެކި ގުޅުން ބަހައްޓާ ހަދާނެއެވެ. ސިއްރު ބައްދަލުވުންތައް ބާއްވާނެއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، މިކަން ހިނަގަމުންދާ ސުންނަތުގެ މަގެވެ. ޚާއްޞަ ގޮތެއްގައި ފިނި ހަނގުރާމައިގެ ދުވަސްވަރު މިކަންތައްގަނޑު ވަރަށް ބޮޑުވެގެން ދިޔައެވެ. ރަޝިޔާއިންވެސް ރަޝިޔާބަސް ދަސްކޮށްދީގެން ދަރިވަރުންތަކެއް އުފެއްދިއެވެ.
އާދެ، މިހާރަކަށް އައިސް ރާއްޖެއިން އެކި ވަފުދުތައް ފުރަފުރައިގެން ސަރަންދީބަށް ގޮސް، އިނގިރޭސި ސަފީރުގެ ހިޔާވަހި ކަމުގެ ދަށުގައި ހިމާޔަތް ލިބިގެން ތިބެ، ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ބައިވެރިވި ހުރިހާ ފަރާތަކުން ވެސް ވަނީ، ނުރަސްމީ ވާހަކަތަކެއް ކަމަށް ބުނެ ސިއްރު ކޮށްފައެވެ. އާންމުކުރީ ވަރަށް މަދު އެތިކޮޅެކެވެ. އެންމެންނަށް ވެސް އެނގޭ ނޭނގޭ ބޮޑު ސިއްރެއްގެ ގޮތުގައި ވާހަކަތަކެއް އެނބުރެމުން ސެނބުރެމުން ދިޔައެވެ. މިކަންތައް ބަރާބަރަށް އިނގިރޭސި ސަރުކާރުގައި ޑޮކިއުމެންޓް ކުރެވި، ސިއްރުފައިލް ތަކެއްގައި ރައްކާކުރެވެމުން ދެއެވެ. މިއީ ގިނަ ދުވަސްތަކެއްގެ މަސައްކަތުން ދިވެހިންގެ ދާޚިލިއްޔަތާ، ސީދާކޮށް އިނގިރޭސިން ބެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އައްޑޫ ރަދުންގެ ނަމުން މަޝްހޫރުވި ކުޅަދާނަ “އައްޑޫ މަންޑޭލާ” ގެ ފަހަތުގައި ފޮރުވިގެން ތިބީވެސް އިނގިރޭސީންނެވެ. އެފަހަރުގެ ލިޔުންތައް މިހާރު ފެންނަން އެބަ ހުއްޓެވެ. އިނގިރޭސިންގެ އަރުޝީފު ތަކުގައި އެލިޔުންތައް ދާއިމުވާގޮތަށް ރައްކާ ކުރެވިފައި އެބަހުއްޓެވެ. ބޭނުން ވެއްޖެ ފަރާތަކަށް ބަލާ ދިރާސާ ކުރެވޭ ގޮތަށެވެ. މުތާލަޢާކުރެވޭ ގޮތަށެވެ. އާދެ! މިފަހަރުގެ ލިޔުންތައް ފެންނާނީ އަދި ފަސްއަހަރު ފަހުންނެވެ. މިފަހަރު އިނގިރޭސިން ނެރެ ދެއްކޭތޯ މިއުޅެނީ “ދިވެހި މަންޑޭލާ” އެކެވެ. އައްޑޫ މަންޑޭލާއެއް ނޫނެވެ. ގައުމީ ސިޔާސަތު އިތުރަށް މިނިވަންކޮށް ހުޅުވާލުމުގެ ބޭނުމުގައެވެ. ލާދީނީކޮށް ލިބަރަލް ކުރުމުގެ ބޭނުމުގައެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ގެނެސްދިނުމުގެ ބޭނުމުގައެވެ. އެއް ފަރާތުގައި “ދިވެހި މަންޑޭލާ” ގެކުޅަދާނަ ފަހުލަވާނުން ކޮޅެކެވެ. އަނެއް ފަރާތުގައި “އައު ރާއްޖެ” މިނަމުން ދިވެހި ސަރުކާރުން މަޝްހޫރުކޮށް ނެރެފައިވާ ޒުވާން ކުޅަދާނަ ވަޒީރުންކޮޅެކެވެ. އާދެ! ނިއޫމޯލްޑިވްސް ގްރޫޕެވެ. ރާއްޖޭގައި އޮންނަ އޯޕަން ސޮސައޓީގެ ބާނީންނެވެ. މެދުގައި އިނގިރޭސި ތަޚުތުން ކަނޑައަޅާފައި ހުންނެވި ސަފީރެވެ. ސަފީރުގެ ހިޔާވަހި ކަމާއި ހިމާޔަތުގައި އެއްބަސް ވެވޭ ނުކުތާ ތަކެކެވެ. ސިއްރު ކުރެވިފައިވާ އެއްބަސް ވުމެކެވެ. އިނގިރޭސިންގެ ރަސްމީ ޑޮކިއުމަންޓެކެވެ. ދެން އިވޭނީ، ކޮންފަދަ އަޑެއް ކަމެއް ނޭގެއެވެ. ސީދާ އިނގިރޭސި ބޮޑުވަޒީރު، އައްދައުލަތުލް މަހަލްދީބިއްޔާގެ ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީފުޅެއް ފޮނުއްވާނީ ޔޯލައެވެ. ހަދަން ޖެހޭގޮތެއް އަންގަވާނީ ޔޯލައެވެ. ފަހެ، މިކާރުނާމާ ސިއްރިއްޔާތުގައި އޮވެ ތަންފީޒުވެގެން ދާނީޔޯލައެވެ. މިކަމެއްގެ އިޝާރާތެއް ވާނީ، އިނގިރޭސިންގެ ހިތްވަރުން ހިތްވަރު ލިބިގެން ތިބި، ވާހަކަ ތަކުގައި ބައިވެރިވާ ދެފަރާތުގެ ހީވާގި ޙަރަކާތްތެރިން ނަށޯލައެވެ! އަދި ރައީސް މައުމޫނަށޯލައެވެ!
ދެންފަހެ، ދަންނާށެވެ! މިއީ މިކަމުގައި ރައްޔިތުންނަށް އޮންނަންވީ އެންމެ ފައިދާ ބޮޑު ގޮތްތޯ ވިސްނާލެއްވުން ބުއްދިވެރި އެވެ. ރައްޔިތުންގެ ފުރިހަމަ ދައުރު އަދާ ކުރުމުގެ ވާޖިބުގެ ދަށުންނެވެ. މުސްތަބިއްދު ވެރިއެއްގެ ކިބައިން ސަލާމަތް ވުމަށް، ދީނާއި މިނިވަންކަން ދޫކޮށްލާކަށް ނުޖެހެއެވެ. ކާބަފައިން ވާރުތަ ކޮށްދީފައިވާ ދީނާއި މިނިވަންކަމަށް، އިނގިރޭސި ތަޚުތުގެ ކިލަނބުކަން ގެންނާކަށް ވެސް ނުޖެހެއެވެ. މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އަމިއްލަ ވަންތަ ދީނާއި ޝަރީޢަތް ދޫކޮށްލާކަށް ނުޖެހެއެވެ. ޑޮކްޓަރ ޝަހީދަކީ، މީގެތެރޭން ނުބައިރޯލެއް ކުޅޭނެ މީހެކެވެ. ބައްލަވަން ތިއްބަވާށެވެ! ދުވަހަކުވެސް އެމްޑީޕީގެ އިސްގޮނޑީގެ ވެރިޔާ އަންނިއަކީ، ޑޮކްޓަރ ޝަހީދު ދޫކޮށްލައްވާނެ ބޭފޫޅެއް ނޫނެވެ. އަދި ރައީސް މައުމޫނާ ދެކޮޅަށް ސީދާ ފިޔަވަޅެއް އަޅުއްވާނެ ބޭފުޅެއް ނޫނެވެ. އެންމެ ފަހުން އަންނިއަށް ޖެހޭނީ، ޑޮކްޓަރ ޝަހީދައި ދުވަހަކުވެސް، ވަކިނުވެވޭ ވަރަށް މުޅި އުމުރަށް ގުޅޭށެވެ. އިނގިރޭސިން އަބަދުވެސް ކުޅެފައިހުރީ، މިކަހަލަ ކުޅިވަރެވެ. ހަމަގައިމުވެސް ކޮންމެވެސް ދުވަހަކުން މިވާހަކަތައް ތެދުހަގީގަތަށް ވާނެއެވެ.
އާދެ! ޙަގީގީ ބަޠަލުންނަކީ، ދީނާއި މިނިވަންކަމުގެ ސިޔާދަތު ބޭރު ބައެއްގެ އުނގަށް ނުޖަހާ، ދީނާއި ގައުމުގެ މިނިވަން ކަމަށްޓަކައި ﷲ އަށް އިޢުތިމާދު ކޮށްގެން ތިބެ ތަފާތު ހަރުފަތްތަކުން ޖިހާދު ކުރާ މުޖާހިދުންނެވެ. މުޙައްމަދު ތަކުރުފާނު އަލްއަޢުޒަމް، ބިދޭސީ އެހީ ހޯއްދެވީ މިކަހަލަ ކަމަކު ނޫނެވެ. އޭރުވެސް ބޮޑެތި ބާރުތައް ދުނިޔޭގައި އޮތެވެ. ދިވެހިން ގޮނޑިކޮއްކޮ އަކަށް ހައްދައިގެން އުޅުނު، އިނގިރޭސިން ވެސް ތިއްބެވެ. ރައީސް އިބްރާހިމް ނާސިރު ދަގްރޭޓް އިނގިރޭސިންނާ ވަރުގަދައަށް ޖަދަލު ކުރެއްވީ، އެމެރިކާ ނުވަތަ ރަޝިޔާގެ ހިތްވަރާއި ވާގި ލިބިގެންނެއް ނޫނެވެ. އަމިއްލަފުޅު ޢަގީދާގެ ޚާލިޞްކަމާ އެކުއެވެ. ގައުމަށް ތެދުވެރި ވުމަށެވެ. ހެއްދެވި ﷲއަށް އޮތް އިޢްތިމާދެއްގެ މަތީގައި ހުންނަވައި ގެންނެވެ. ދިވެހިއްޔަތަށްހުރި ލޯތްބެއްގެ ވަރުގަދަ ކަމުންނެވެ.
ދިވެހިންގެ ދީނާއި މިނިވަން ކަމުގެ ސިޔާދަތު އިނގިރޭސިންގެ އުނގަށްޖަހާފައި، ކިހިއްޔަށް އަރާ ސަވާރު ވުމަކީ، ޤައުމީ ޖިހާދެއް ނޫނެވެ. އެހުންނަނީ އަމިއްލަ އެދުން އިސްކުރެވުނީމާ ފެންނަމުންދާ އަޅުވެތި ވުމުގެ ވައްތަރު ތަކެވެ. އިސްތިޢުމާރުގެ އަލާމާތްތަކެވެ. މިވައްތަރުގެ ރޭވުންތަކުން ދިވެހި އުއްމަތަށް ފައިދާއަށް ވުރެ، ޙަޤީޤަތުގައި ކުރާނީ، ގެއްލުމެވެ. ބައެއްގެ ދަށުވެވޭނީއެވެ. ދިވެހިންގެ ވަހުދަތު ކަމުގައިވާ ފިޠުރަތުގެ ސާފު އަޤީދާއަށް، ނޭގި ތިއްބާ ލޮޅުން އަރަނީއެވެ. ދީނާއި ދައުލަތް ވަކިކޮށް ލެވެނީއެވެ. ދީނުން ސިޔާސަތު ބޭރުކޮށް ލެވެނީއެވެ. ލާދީނީ އުސޫލުތަކަށް މަގުފަހިކޮށް ދެވެނީއެވެ. މިއީ ވަރަށް ރަނގަޅަށް އެނގި ތިބެގެން ހުޅަނގުން ރާވައިދޭ ރޭވުމެކެވެ. ޞަލީބީ ހަނގުރާމަ ތަކަށް ފަހު، ފަށައިގަތް ފިކުރީ ހަނގުރާމައިގެ ތެރެއިން މުހިއްމު ބައެކެވެ. ޑޮކްޓަރ ޝަޙީދާއި އަންނިގެ ބޮލަށް އެރިގެން ރައީސް މައުމޫނު ހިމާޔަތް ކުރުމުގެ ރޭވުން ގަނޑެއް ރާވާއިހިންގަ ފާނެއެވެ. ފަހެ، އެއްގޮތަކަށް ވެސް ވާނުވާއެއް ހަމަ އެކަކަށްވެސް ނާންގާނެއެވެ. ފަޅާއަރާނީ މާފަހުންނެވެ. ފަސްއަހަރު ދިހައަހަރު ފަހުންނެވެ. މިޒާތުގެ ނުސީދާ ކަންތަކުން ވާނީ، ހަމަ އެންމެފައިދާ އެކެވެ. ވަރަށް އަވަހަށް ވެރިކަން ބަދަލުކޮށް ލެވިދާނެއެވެ. އެއްފުށުން އަނެއްފުށަށް ޖަހާލެވި ދާނެއެވެ. އެހެނަސް ރައްޔިތުންނަށް ލިބެންވާ ހަގީގީފައިދާ ފެނުންއޮންނާނީ ލަސްވެފައެވެ.
ފަހެ، ދަންނާށެވެ! އިނގިރޭސިން ކީއްކުރަންތޯއެވެ! އެމެރިކާއިން އެހީ ހޯދޭނެ ދިވެހި ދަރިން ވެސް ތިބޭނެ ކަން ކަށަވަރެވެ. އެހެނަސް އެގޮތަށް އުޅޭތަނެއް ނުފެނެއެވެ. ގައުމީ މަސްލަހަތު އިސް ކުރާތީ ވާގޮތްކަން ކަށަވަރެވެ. ސިޔާސީ ކަންކަމުގައި އަވަސް އަރުވާލުމަކީ، އަމިއްލައަތުން ފުރިހަމަ އިޚްތިޔާރާއި ބާރުބީވެގެން ހިނގައިދާނެ ކަމެކެވެ. ރައްޔިތުންގެ އެދުމާއެއްގޮތަށް ކަންތައް ނުކުރެވި ހިނގައިދާނެ ކަމެކެވެ. އެންމެ ފަހުން މެދުއިރުމަތީގައި ހިނގާދިޔަ ހަވަނަ ހަނގުރާމާގައި އިސްރާއީލުގެ މައްޗަށް، ޙިޒްބުﷲ ޖަމާޢަތުން ހޯދި ކާމިޔާބު، (ރޮކެޓް ހަނގުރާމަ) ނަޞްރެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، މާއްދީ ބާރުވެރި ފަރާތްތަކުގެ ވާތްގަށްނޭދި، ހެއްދެވި ފަރާތް ކަމުގައިވާ ﷲ އަށް އިޢުތިމާދު ކޮށް ހިތްވަރާއި ވާގި އެދުނު އެދުމުންނެވެ. ކޮންޑަލީޒާ ރައިސް ލެބެނާނަށް އައުމަށް އެދުމުން، ބޭނުން ނޫން ޒިޔާރަތެއް ކަމުގައި އެމެރިކާއަށް ފާޅުގައި ގޮވާލެވުނެވެ. ރައްޔިތުންގެ ގަދަ ހިތްވަރުން ޙިޒްބުﷲ ޖަމާޢަތަށް ނަސްރާއި ފަތަޙަ ލިބުނެވެ. ފަހެ، މިފެންނަނީ، ރައްޔިތުންގެ ހިތްވަރެވެ. ﷲގެ ނަޞެރެވެ.
އާދެ! ކޮންމެ ފަދަ އެއްބަސްވުން ތަކެއް އެކިއެކި ފިޔަވަހި ތަކުގައި ވެވުނަސް، ރައްޔިތުންގެ ގަދަފަދަ ހިތްވަރާއި ޢަޒުމް މާވަރުގަދަ ވާނެއެވެ. ހަގީގީބާރަކީ، އެއީއެވެ. ރައްޔިތުންގެ ބާރުގެ ކުރިމަތީގައި، ހުޅަނގުގެ ބާރުތަކުން ކުރެވޭނެ ކަމެއް، އަދި ހޯދޭނެ ކާމިޔާބެއް ނުވާނެއެވެ. މިދުވަސްވަރު އައްޑުއަތޮޅުން ފެނިގެން އެދިޔައީ، މީގެ ކުޑަކުޑަ މިންވަރެކެވެ. ރައީސް މައުމޫނުގެ ސިފައިންނަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. ﷲ ނަޞްރު ދެއްވާނީ ޚާލިޞް ޢަޤީދާގެ އަހުލުވެރިންނަށެވެ. ޙައްޤު ނަސްރަކީ އެއީއެވެ. އޭ! ﷲއެވެ! އަޅަމެންނަށް ހައްގުގޮތުގައި ނަސްރު ދެއްވާށިއެވެ! ކާމިޔާބު ކުރައްވާށިއެވެ! އާމީން!


Comments