top of page

ދިވެހި ރައްޔިތުން އިންގިލާބެއްގެ ތުންފަތްމަތީގައި.

  • Writer: ilyashusein
    ilyashusein
  • Oct 24, 2009
  • 4 min read

އިލްޔާސް ޙުސައިން އިބްރާހިމް. ލިޔުނީ: 2006މ، ގައި.

އިންގިލާބަކީ ބަޔަކުމީހުން ވެގެން، އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަލު ކޮށްލުމެވެ. ފުރިހަމަ ބޮޑު ބަދަލެއް ގެނައުމެވެ. ވަރަށް ގިނަ ގޮތްގޮތަށް އިންގިލާބު ގެނެވެއެވެ. ދުނިޔެ ވަނީ، ތަފާތު އިންގިލާބުތައް ތަޖުތިބާ ކޮށްފައެވެ. އެކި ވައްތަރަށެވެ. އެކި ސިފަސިފައަށެވެ. އެބީދައިން ރާއްޖެވެސް ދެކެމުން މިދަނީ، އިންގިލާބެއްގެ ވިއްސާރަ ދުނިތަކެވެ. މިކުލަވަރު ތަކަކީ އިންގިލާބެއްގެ ފެށުންކަން ކަށަވަރެވެ. މިއީ ގައުމު ދެކޭނެ ހަމަހިމޭން އިންގިލާބެއް ކަން ޔަގީނެވެ. ކަށަވަރެވެ. ދިވެހިން ދެކެމުންމިދާ އިންގިލަބަކީ، ލޭ އޮހޮރުވުމެއް ނެތް މީރުވަހުން ފުރިގެންވާ، ތަހުޒީބީ އިންގިލާބަކަށް ވާން ޖެހޭނެއެވެ. ދިވެހި ދަރިންގެ ކުޅަދާނަކަން ފެނިގެންދާނީ އޭރުންނެވެ. އެއްވެސް ބަޔަކު ބިންމަތީގައި ފަސާދައަށް މަގުފަހިކޮށްގެން ނުވާނެއެވެ. އަދި ބިންމަތީގައި ފަސާދަ ކޮށްގެން ނުވާނެއެވެ. ﷲ ޢަމުރު ކުރައްވަނީ ބިންމަތީގައި ފަސާދަ ނުކުރުމަށެވެ. ސުލްހަ ވުމަށެވެ. އެއްބަޔަކު އަނެއްބަޔަކާ އަބަދުވެސް ސަލާންކުރުމަށެވެ. ސަލާމަތްތެރި ކަމުގައި ތިބުމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށްކުރީކޮޅުގައި، އަމިއްލަ އެދުމުގެ ދަހިވެތި ސިފަ ސަރުކާރުގެ ބޮޑުންގެ މެދުގައި އަށަގަނެ، އިޖްތިމާޢީ އަދާލަތުގެ މާތް ސިފަ ރައްޔިތުންގެ މެދުގައި، ގެއްލެން ފެށުމުގެ އަސްލަކަށްވަނީ، ކަމަށް އެކަށީގެންނުވާ، ތިމާގެ މީހުން ގިނަ އަދަދަކަށް ދައުލަތުގެ މަތީމަގާމުތަކުގައި، ބޮޑުންގެ ގޮތުގައި ވަރަށް އިސްކޮށްތިބެ، ހަމަތަކާއި އުސޫލުތަކާއި އަސާސީއާއި ގާނޫނުތަކާއި ޤަވާޢިދުތައް މުގުރާލައި އެއްފަރާތް ކޮށްލުމުންނެވެ. އަސާސީއާއި ގާނޫނުތަކާއި ގަވާޢިދުތައް ތަންފީޒު ކުރުމެއް ނެތި، ބޮޑުންގެ އަމިއްލަ ދީލަތިކަމާއި ހަމްދަރުދީ ވުމުގެ ސިފަތައް އަމިއްލަ ނަފްސަށް ޚިޔާރުކޮށްގަނެ، ތިމާގެ މީހުންނާއި ގާތް މީހުންނާއި އަރިސް މީހުންނަށް އެކި ވަސީލަތްތަކާއި ނުސީދާ މަގުތައް އިންތިހާއަށް ފަހިކޮށް ދިނުމުންނެވެ. ކޮރަޕްޝަންގެ މިފަދަ އެތައް ކަންތައްތަކެއް ފާޅުވެ، އާދަކާދައަކަށް ވެއްޖެއެވެ. އެއްވެސް އަމަލީ ފިޔަވަޅެއް ނޭޅި މައްސަލަތައް، ގިނަ ދުވަސްވެ ދިގުލާން ފަށައިފިއެވެ. ސަރުކާރަށް ހުށަހެޅޭ މައްސަލަތައް ދަނީ ފައިލްތަކުގައި ކަރުދާސް ކުރެވެމުންނެވެ. ހައްލެއް ނުފެނެއެވެ. މިސަބަބާހުރެ ރައްޔިތުން އިސްލާޙަށް ކަރު ހިއްކައިގަނެ ތެޅެން ފަށައިވިއެވެ. މިއުދާސްގަނޑު ފަޅައިގެން ގޮސް ބޮޑު އިންގިލާބަކަށް ނުވެ މިއޮންނަނީ، ދިވެހިންނަކީ ފެށުނީއްސުރެ އެންމެ ޅަފަތުގައިވެސް، ލީޑު ކުރަން ދަސްކޮށް ދިނުމަށްވުރެ، ބޯލަނބައި ކިޔަމަން ވުމަށް ދަރިން ތަރުބިއްޔަތު ކުރުމުގެ ގަދީމީ ސަގާފަތުގައި ތިބި، ވަރަށް މައުސޫމު ބަޔަކަށް ވާތީއެވެ. މިކަމާ ހުރެ ރައްޔިތުންނަށް ބޭނުންވާ އިސްލާޙީ ކަންކަމުގައި އިސްނަގާނެ ލީޑަރުން އުފެދެމުން ދިޔައީ ވަރަށް މަދުންނެވެ. އިންގިލާބީ ޙަރަކާތްތަކަށް އިސްނަގާނެ ސިޔާސީ މުފައްކިރުން ވަރަށް މަދެވެ. ވަރަށް ނާދިރެވެ. އަމިއްލަ ހައްގުތަކަށްވުރެ ހިތުތެރޭގައި އުފެދިފައި އޮންނަ ބިރުގެ ސަބަބުން ހިތާއި ސިކުނޑި ފިނިކޮށްލަނީއެވެ. ހަރަކާތްތައް ސުމަކަށް ދަނީއެވެ. ޙަގީގަތް މިހެން އޮތަސް ގިނަ ބައެއްގެ ހިތުތެރޭގައި މިކަންތައް ދިޔައީ ބިންވަޅުނެގި އުތުރިއަރަމުންނެވެ. ބަންޑުން ވަމުންނެވެ. މަޑުމަޑުން ސިޔާސީ ހަރަކަތެއްގެ ސިފައިގައި ފާޅުވާން ފަށައިފިއެވެ. މަޑުމަޑުން، ބުޅާ ގޯނިން ބޭރަށް ފުންމާލައިފިއެވެ. 1980  ގައި ފަށައިގަތް ގާނޫނު އަސާސީ އިސްލާޙު ކުރުމުގެ ކުޅިގަނޑު 1998 ގައި ނިންމާލީ، އޭގެ މޮޅު ވާހަކަތަކެއް ގައުމީ ޓީވީންނާއި ރޭޑިއޯއިން އެތައް ދުވަހެއް ވަންދެން ބާބަކުން ބާބަކުން ކިޔައިދީ، ބޮޑު އޮޅުވާޅުންތަކެއްގެ ތެރޭގައެވެ. ވެރިކަމުގެ ފަރާތުން ގަސްދުކުރާގޮތަށް އަސާސީ މުށުތެރޭގައި ފިއްތާލާފައި ބޭއްވޭނެ ގޮތެއް ނުވިއެވެ. ތޮށިގަނޑު ފަޅާލާފައި ޒުވާނުންގެ އަތްމައްޗަށް އާންމު ވެއްޖެއެވެ. އަސާސީ އިސްލާހު ކުރުމަށް އޭރުގެ ޚާއްޞަ މަޖިލީހުގެ ރައީސް ކުޅުއްވި، ޚުދުމުޚްތާރު ގޮތްތައް ބޭޒާރު ވެއްޖެއެވެ. އަސާސީ މުށުތެރޭގައި ފިއްތާލާފައި ބޭއްވޭނެ ގޮތެއް ނުވިއެވެ. އޮބި އޮންނަ ގޮތެއް ނުވިއެވެ. އުތުރި އަރަނީއެވެ. ބޮޑު އިންގިލާބަކާ ދިމާލަށް ޚިޔާލާތާއި ފިކުރު ދަތުރު ކުރަނީ ބާރު ސްޕީޑްގައެވެ. ބޮޑު އިންގިލާބީ ބަދަލަކަށް ހާލަތު މަގު ފަހިކޮށްދެނީއެވެ. ނޭގޭ ރޫހާނީ ބާރަކުން ބަދަލަށް ގޮވަނީއެވެ. ބާރުލިބިދެނީއެވެ. އިންގިލާބަކަށް ދޮރުތައް ހުޅުވެނީއެވެ. މަގުފަހިވެ އޮމާންވަނީއެވެ. ގައުމު، އެއްއަޑުން އޮވެ ގޮވަމުންދާ ބޮޑު ބަދަލު، ލީޑު ކުރަމުން ދިޔަ މަދު ބައެއްގެ ސަބަބުން ޖެހުނީ އަމިއްލައަށް އަނދުނެއްގެ ގޮތުގައި ޒީނަތްތެރި ކުރުމަށް ތައްޔާރުކޮށް އުފެއްދި އަސާސީއަކީ ރަނގަޅު އެއްޗެއް ނޫންކަމަށް، އަމިއްލަފުޅު ދުލުން އިޢުތިރާފުވެ، އެކަން އާންމުކޮށް އިޢުލާންކުރާށެވެ. ގޮދަންފުށް ގަނޑެއްހެން އަސާސީ މޮޑެވުނުލެއް ބޮޑުކަމުން މަޖުބޫރުވީ، ބާބަކުން ބާބަކުން ގޮވާނެގި އަސާސީ އިސްލާޙު ކުރުމަށް އަލުން ގޮވާލުމަށެވެ. މި މަޖުބޫރުވުން ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި، އިންގިލާބެއް ގެނެސް ދިނުމަށް ގޮވާލެވުނު ގޮވާލެވުމަކަށެވެ. އާދެ! ރައީސް މައުމޫނަށް މަޖުބޫރުވެގެން މިގޮވާލެއްވި ގޮވާލެއްވުމަކީ، ދިވެހިން ތަޖުރިބާ ކުރަމުން މިގެންދާ އިންގިލާބީ ޙަރަކާތުގެ ހަރުދަނާ ވުމަކަށެވެ. ފަހެ، ދިވެހިން އިންގިލާބެއްގެ ތުންފަތްމައްޗަށް ގެނެސްދެއްވީ، 9 ޖޫން 2004 ގެ ތަގުރީރުގެ ނަމުން މަޝްހޫރު ވެފައިވާ، ރައީސް މައުމޫނުގެ ގޮވާލެއްވުމެވެ. މިތަގްރީރުއޮތީ އިސްލާމީ މަރްކަޒުގައެވެ. މިހިސާބުން ރަސްމީ ސިފައެއްގައި އިންގިލާބީ ބަދަލެއް ގެނައުމަށް އިޢުލާން ކުރެވުނީއެވެ. މިހިސާބުން އަޅުގަނޑުމެން، ރިފޯމިސްޓުންގެ އަޒުމް ވަރުގަދަވެ އަލާވެއްޖެއެވެ. އުންމީދުތައް އާވެވަރުގަދަ ވެއްޖެއެވެ. ހިއްސުތަކުގެ ބާރު ގަދަވެއްޖެއެވެ. އަވަސް ހަރަކާތަށް އަތުވެއްޖެއެވެ. އާދެ! އިސްލާމީ މަރުކަޒުގައި މި މުހިންމު ބައްދަލުވުން އޮންނާނެކަމަށް އާންމުކޮށް އިޢުލާން ކުރެވެން ފެށުމުން، ވަރަށް ގިނަ މީހުން ހީކުރީ، މިބައްދަލުވުމުގައި ބޭނުން ސުވާލެއް ކޮށް ބޭނުންވާ ޝުޢޫރެއް ފާޅުކުރުމުގެ ފުރުޞަތު މިނިވަންކަމާއެކު، ހުޅުވާލެވިފައި އޮންނާނެކަމަށެވެ. އެހެންވެ، ޚާއްޞަ އަހަންމިއްޔަތެއް ދީގެން ވަރަށް ގިނަ ޒުވާނުން މި ބައްދަލުވުމަށް، އިސްލާމީ މަރުކަޒުގެ މައި ހޯލަށް ޙާޟިރުވިއެވެ. ތައްޔާރު ވެގެންނެވެ. ޚުދު އަޅުގަނޑުވެސް ހީކޮށްގެން ހުރީ މިބައްދަލުވުން އޮންނާނީ ވަރަށް މިނިވަންކޮށް ހުޅުވާލެވިފައި ކަމަށެވެ. އެހެނަސް މިބައްދަލުވުން ވެގެން ދިޔައީ، މަޖުބޫރުވެގެން ބޮޑު ބަދަލެއް (އިންގިލާބެއް) ގެނައުމަށް އިޢުލާން ކުރެވުނު ވަންމޭން ޝޯއަކަށެވެ. ބަންދުކަން ބޮޑުޖަލްސާ އަކަށެވެ. ވަރަށް ޚުދުމުޚުތާރު ގޮތަކަށް ނިމިގެން ދިޔަ ރަސްމިއްޔާތަކަށެވެ. މި ދަރުބާރު ނިމިގެން ރައީސް މައުމޫނާއި އަޅުގަނޑާ ބައްދަލުވިއެވެ. ކުރު ވާހަކަކޮޅެއް ދައްކާލެވުނެވެ. އަޅުގަނޑު ދެންނެވީމެވެ. “ހަނދުމަފުޅު ހުރިއްޔާ ވަރަށް ރަނގަޅެވެ. ތިޔަ ގޮވާލެއްވީ ވަރުގަދަ ބަދަލަކަށެވެ. ތިއައީ ރައްޔިތުންގެ އިހްސާސްތަކެވެ. އުންމީދުތަކެވެ. މިފަދަ ބޮޑު ބަދަލަކަށް ތިޔަ ގޮވާލެއްވީ، އޭގެ ވަގުތަށް ވުރެ މާފަހުންނެވެ. ވަގުތުފާއިތު ވެއްޖެއެވެ. އޭގެ ވަގުތުގައި އެކަމަށް މަގުފަހިކޮށް ދެއްވިނަމަ، މަނިކުފާނު ތާއަބަދަށް، ޑިމޮކްރަސީގެ ހީރޯއަކަށް ވެވަޑައިގަތީހެވެ. ޑިމޮކްރަސީގެ ބައްޕައަކަށް ވީހެވެ. އެހެނަސް މިހާރު އެފުރުޞަތު ވަނީ ގެއްލިފައެވެ.” މިރޭގެ ފޮޓޯއެއް ފަހުން އަޅުގަނޑަށް ފޮނުއްވިއެވެ.

ފަހެ، ދަންނާށެވެ! އިންގިލާބެއްގެ ކާމިޔާބަކީ، ނިޔަތާއި މަގްޞަދު، އިޚްލާސްތެރި ވުމެވެ. ހުވަފެނީ ދުނިޔެއެއްގެ ތެރޭގައި ލިމިޓުވެފައި އޮންނަ ޚުދުމުޚުތާރު އެންމެ ސިކުނޑިއެއްގެ ރޭވުމަކަށް ނުވުމެވެ. ޚާއްސަ ވަކި އަމާޒުފަތް ގަނޑަކާއި ދިމާލަށް ވާސިލުވުމަށްޓަކައި އަމާޒު ކުރެވިފައިވާ ކަންތައްތަކުން އެއްފަރާތް ވުމެވެ. ނިޔަތް މުޅިން ސާފުވުމެވެ. މުޅި ރައްޔިތުންގެ ފައިދާއާއި މުސްތަގުބަލަށް އަމާޒުވުމެވެ. ފަހެ، ކާމިޔާބު އިންގިލާބަކީ، ނިޔަތާއި މަގުސަދު އިޚްލާޞްތެރި ވުމާއެކު، އިސް ސަފުގައި ހަރަކާތްތެރި ވުމަށް، އެއްސިކުނޑިއަށްވުރެ ގިނައިން މީހުން ތިބުމާއި މުސްތަގުބަލް އަލިކޮށް އުޖާލާކޮށް ރޭވިފައިވާ މޮޅު ހަރުދަނާ ރޭވުމެއް ގައުމުގެ ކުރިމަގަށް އޮތުމެވެ. ރައްޔިތުންގެ ތެރޭގައި ނަގާކިޔުމަށް އިސްކޮށް ތިބޭ ބައެއްގެ ދެބައިކުޅަ އެއްބަޔާއި ގާތަށް، ނުވަތަ އެއަށްވުރެ ބޮޑުކޮށް މީސްތަކުންގެ ސިކުނޑިތަކަށް ގަބޫލު ކުރެވޭ ފިކުރެއް، ވިސްނުމެއް ބިނާކުރެވިފައި އޮތުމެވެ. ލޭ އޮހޮރުވުމެއް ނެތި މިހާރުގެ ގްލޯބަލައިޒް ޒަމާނާ ގުޅޭ ތަހުޒީބީ އިންގިލާބެއް ކާމިޔާބުވާނީ މިފަދަ ފިކުރަކާއި ވިސްނުމެއްގެ ދަށުގައި ގިނަ އަދަދަދެއްގެ މީހުން ޖަމާވެފައި ތިބެގެންނެވެ. ގިނަ ބަޔަކު އެއްގަލަކަށް ޖަމާނުކުރެވޭ ނަމަ، ހަރުދަނާ ފިކުރެއް ނެތީއެވެ. ގަބޫލު ކުރެވޭ ވަރުގަދަ އަމާޒަކާއި ފިކުރެއް ރޭވި، ފަރުމާ ކުރެވިފައި ނެތި، ގެނެވޭ އިންގިލާބަކީ ކާމިޔާބު އިންގިލާބަކަށް ނުވާނެއެވެ. ނާކާމިޔާބު ކޮންމެ އިންގިލާބަކީ، ފަސާދަވެފައިވާ ރައީސް މައުމޫގެ ރެޖީމަށް ލިބޭ ގެއްލުމަކަށް ވާއިރު، ހަމައެހެންމެ ހަރުދަނާވެ އަލުން އިތުރަށް ހިންދަމާލުމަށް ލެވޭ ފުން ނޭވައަކަށްވެސް ވާނެއެވެ. ފަސާދައާއި ފަސާދައިން ކުރިމަތިލާއި ދިމާކުރުމަކީ، މަސްލަޙަތެއް ނޫނެވެ. ކާމިޔާބެއް ނޫނެވެ. މަސްލަޙަތާއި ކާމިޔާބަކީ، ރަނގަޅު ގޮތުގައި ރަނގަޅު ވަގުތުގައި ރަނގަޅު ހިތްވަރާއި ބާރު ދެއްކުމެވެ. ރައްޔިތުންގެ އިހްސާސްތަކާ ކުޅެލެވޭ ގޮތަށް، ތެޅިފޮޅި ޖަޒްބާތީ ގޮތުން އަވަސްވެނުގަތުމެވެ. އިންގިލާބީ ލީޑަރުންނަކީ، ފަހަތަށް އެނބުރި ބަލަމުން ދުވާ ބައެއް ނޫނެވެ. މުޙަންމަދު އަމީނުމެންހެން ކެތްތެތިވެ، ހުރި ފިޔަވަޅުމަތީގައި ސާބިތުވެހުރެ އަންނަ ހަމަލާތަކަށް ކުރިމަތިލާ މީހާއެވެ. އާދެ، މީސްތަކުން އެއް ކުރެވޭފަދަ، ފިކުރެއް ބިނާކޮށް އިންގިލާބީ ޙަރަކާތެއް ދެއްކިގެން ނޫނީ، ފަސާދަ ބިމުން ނައްތާލެވޭ ވަރުގެ މަސްލަޙަތެއް ނުދެއްކޭނެއެވެ. ދެމެހެއްޓެނިވި ކާމިޔާބު އިންގިލާބަކާ ދިމާލަށް، ރައްޔިތުންގެ ވިސްނުން ގެންގޮސް ވީހާ އަވަހަކަށް ދިވެހި ރައްޔިތުން ކޮނޑުއަޅަމުން މިދާ ފަސާދަ ނައްތާލައި އިންގިލާބު ކޮށްލާނެ ވިސްނުމެއްގެ ހިޔާވަހިކަމަށް ޖަމާވެ، މިޒަމާނާއި ގުޅޭ ތަހުޒީބީ އިންގިލާބަކަށް ގޮވާލަމެވެ. އިންސާނާ ޖަޒްބާތަށް އައިސް ހަށިގަނޑުގެ އިސްތަށިތައް ކޮޅަށް ޖެހޭ ވަގުތު ހަމަހިމޭންކަމާއެކު ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަންތަކެއް ސަމާލުކަމަށް ނުގެނެވި އެބަހުއްޓެވެ. ވިސްނާލައްވާށެވެ. ފިކުރުގެ ބޭނުން ހިއްޕަވާށެވެ. ކޮންމެ ހެޔޮ ބަދަލަކީވެސް ކާމިޔާބު އިންގިލާބެކެވެ. އެއްވިސްނުމެއްގެ މައްޗަށް، އެއް ފިކުރެއްގެ މައްޗަށް ބާރެއްގެ ގޮތުގައި، މީސްތަކުން ޖަމާވެ އެއްވުމުގެ އަދަދު، ބޮލުންވީހާ ގިނަ ވުމަކީ، އިންގިލާބު ކާމިޔާބު ވުމުގެ ސިއްރެވެ. ނިޔަތާއި މަގްޞަދު އިޚްލާޞްތެރި ވުމުގެ ބާރެވެ. ބިމުން ފަސާދަ ނައްތާލުމުގެ ހިތްވަރާއި ކާމިޔާބެވެ. ވަރަށްސާފު ފެންފޮދެއްހެން ސާފުކަން މަތީގައި ކުރިމަގު ދެމިއޮންނާނެ، އަދި ނުބައިފަސާދަތައް ނެތިކޮށްލާނެ، ކާމިޔާބު ބާރެއްގެ ގޮތުގައި އަބަދަށް ދެމިއޮންނާނެ، ބޮޑު އިންގިލާބެއްގެ ސާފުތެދުމަގު، އިސްލާޙަށް ފެންބޮވައިގެންފައިވާ އަޅަމެން، ދިވެހިންނަށް ދައްކަވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page