top of page

ދިވެހިންގެ ގައުމީ ބަޠަލު…ވެލާނާގޭ ޚާންދާނުގެ ފަޚުރެއްކަމުގައިވި ނާސިރު.

  • Writer: ilyashusein
    ilyashusein
  • Oct 22, 2009
  • 5 min read

=އިލްޔާސް ހުސައިން އިބްރާހިމް. ލިޔުނީ: 2006 ޖުލައި ގައި.=

އެޝަޚްސިއްޔަތެއްގެ މަގްބޫލުކަން އެޝަޚްސިއްޔަތަކާ މެދު ޢަމަލުކުރެވުނު ނުބައި ނުލަފާ ކަންތައްތަކެއްގެ ސަބަބުން ފަނޑުވެގެން ދިޔަ ޝަޚްސިއްޔަތަކީ، އެއްދުވަސް ވަރެއްގައި ދިވެހި ރާއްޖެ އުފެއްދި އެންމެ މާތް ދަރިޔާގެ ލަގަބު ދެވެމުން ދިޔަ މިހާރުވެސް އެބޭފުޅަކު ދުނިޔޭގައި (ރާއްޖޭން ބޭރުގައި) ހުންނެވި ރައީސް އިބްރާހިމް ނާސިރެވެ. ގަސްތުގައި ދިވެހި ރާއްޖެދުށް، މިބަޠަލުގެ މާޒީން ސަފްހާތަކެއް ވަނީ، ނަގާލާފައެވެ. އެ ސަފްހާތަކަށް ވަނީ، ފަނޑުކަމެއް ގެނެސްފަ އެވެ.

ފަހެ، އެއީތޯއެވެ. ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ. (ޚިދުމަތްތެރި ދިވެހި ދަރިންނަށް ދިވެހިދަރިންދޭ އެންމެ މަތީ ދަރަޖައިގެ ރަން މެޑަލް) ދިވެހި ޣާޒީންނަށް ދިވެހިން ކިޔައި އުޅުނު ރަންނަބަނޑޭރި ކިލެގެ ކަމުގެ ކޮލިލެވުނު ޢިއްޒަތްރެރި ވެރިއާއެވެ. ދިވެހި ދައުލަތުގެ ވެރިކަން ކުރެއްވި، ރައީސް އިބްރާހީމް ނާޞިރެވެ. އާދެ މިހާރު މިރާއްޖެއަށް މަޝްހޫރު ރަންނަބަނޑޭރި ކިލެގެފާނެވެ. ކްއީން ވިކޮޓޯރިއާގެ މުނިމާމަ ދަރި ކަނބަލުން އިނގިރޭސި ވިލާތުން ބޭރުގެ ޢިއްޒަތްތެރިއަކަށް ދެވޭނެ އެއްމެ މަތިވެރި އެއް މެޑަލް ކަމުގައިވާ ކޭސީ އެމްޖީގެ މެޑަލްދެއްވި ޢިއްޒަތްތެރިއާއެވެ. 1972 މާރޗް 13 ގައި މިފުރަމާލޭގެ ބަނދަރުގައި އޮތް ކްއީން އެލިޒަބަތް (2) ގެ ރަސްމީ ޔޮޓް އެޗް އެމް އެސް ބްރިޓޭނިޔާ ގައި ބޭއްވުނު ޝާހީ ރަސްމިއްޔާ ތެއްގައި ކަލަމިދި އެކަމަނާގެ އަތްޕުޅުން ދެއްވި ރަން މެޑަލްގެ ވެރިޔާއެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ އެތެރެވަރީގެ މަޝްހޫރު ބަޠަލު ލޯޑްލުއި މައުންޓް ބެޓްން އާއި ޝާހީ އެތަކެއް ބޭފުޅުން ބައިވެރިވެވަޑައި ގެންނެވި ހަފްލާގައެވެ. މިމަންޒަރު ދެކި ހެކިވުމަށްޓަކައި މިއުޑުދަށުން ފިޔަޖަހާލި އަލިގަދަ ފާން ތަރި ތަކެއް ކަމުގައިވި ފުރަހާދަވެރި (އޮނަރަބަލް) އަޙުމަދު ހިލްމީ ދީދީ އާއި އޮނަރަބްލް އަޙުމަދު ޒަކީ، އަދި އޮނަރަބްލް ޢަބްދުއް ސައްތާރު މޫސާދީދީ ހިމެނިވަޑައިގަތެވެ.

މިއަދު މިމެޑަލްތަކއިާ ޢިއްޒަތާއި ކޮލީ ނަންފުޅު ކޮބާތޯއެވެ؟ ޤައުމީ ބަޠަލުގެ މޭމަތިފުޅުގަ ވިދަވިދާ ހުރި މިދެންނެވި އަލި ގަދަ މެޑަލް އަތުލައި ގަނެވޭނެ އެއްވެސް ގާނޫނީ ބާރެއް ނޯންނާނެއެވެ. ހިތުތެރޭގައި ހުރި ދެކޮޅުވެރި، ހަސަދައެއް ފިލުވާލުމަށް ކަންތައްތަކެއް ކުރެވިދާނެ އެވެ. 1978 ނޮވެމްބަރު 11 ގައި، ވަގަށް އެތެރެ ކުރެވުނު ހަތިޔާރާއެކު، ދިވެހި ރާއްޖޭގެ ވެރިކަން “ހިއްޕެވި” ރައީސް މައުމޫން ޢަބްދުލް ގައްޔޫމަށް މިއިން އެއްވެސް ޢިއްޒަތެއް ރައްޔިތުންގެ ހިތުގެ ލޯތްބާއެކު އަރުތަ ލިބިވަޑައި ނުގަންނަވާނެކަމުގެ ޔަގީންކަން ބޮޑުކަމުން އަޅުގަނޑުމެންގެ މިނިވަންކަމުގެ ބަޠަލްގެ މޭމަތިފުޅު، ހަމަ ގަސްތުގައި ފަޅުކޮށްލެއްވީއެވެ. އެހެނަސް ތިޔަހެނެއް ނުވާނެއެވެ. އެމީހަކަށް އޮންނަ ޙައްގު، ޤައުމީ ތަރުޙީބެއް އެމީހަކަށް އޮންނަން ވާނެއެވެ. މިދެންނެވި ތަރުޙީބަކީ، ނަންކުރާވަރުގެ ތަރުޙީބެކެވެ. އެނިގުޅައިގަނެވިގެން ނުވާނެއެވެ. ނިގުޅައެއް ނުވެސް ގަނެވޭނެއެވެ. އެއީ، އެބަޠަލު ދިވެހި ޤައުމަށް ކޮށްދެއްވި މަތިވެރި ޚިދުމަތުގެ ޤައުމީ އިނާމެވެ. ކުޅޭކުޅޭ އެއްޗެއް ނޫނެވެ. އެހުންނަނީ މީހުން ކުޅޭ ޒާތުގެ ކަންތަކެއް ނޫނެވެ. އެއީ ދިވެހި ޤައުމު އެޤައުމުގެ ދަރިންނަށް ޤައުމަށް ޚިދުމަތް ކުރުމަށްދިން ހިތްވަރުގެ، ދުވަހަކު ކުލަ ފަނޑުނުވާނެ ރަމްޒުތަކެވެ. އަންނަނިވި ޖީލު ތަކަށްޓަކައެވެ. މިހެންނުވާނަމަ ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހީނަރުވެ، ބަލިކަށިވެ ނިކަމެތިވެގެން ހިނގައިދާނެއެވެ.

އާދެ! އަލްއުސްތާޒު މައުމޫނު ޢަބްދުލް ގައްޔޫމް އެކިޔެވި އެއްޗެއް ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެންނެވި އިރު، ދިވެހި ޤައުމުން އިވިއިވި ހުރީ “ތިޔައީއެ އަބްޠާލުންނަކީ، ތިޔައީއެ ޤައުމީ ރޫޙަކީ / ތިޔައޭ ކެރޭ ދިވެހިންނަކީ، ތަޢުރީފަކަށް ނިމުމެއް ނެތޭ” މިފަދަ އަޑުތަކާއި، “އިންދެވި ޒަމާނީ އޮށްތަކުން ހެދިފޯދެމުން އައި ގަސްތަކުން / ބިންނަން ލިބުނުހާ މާމަލުން ވެދުމޭ ވަނީ ޝައްކެއް ނެތޭ” މިފަދަ ކަމޭ ހިތުމުގެ ރީތި އަޑުތަކުން ޤައުމުގެ ފަޒާވަނީ ގުގުމާފައެވެ. ހަސަދަވެރިންނާއި ފިތުނަވެރިންގެ ހިތްތަކަށް ތޫނު ކަށިތަކެއް ހެރެމުންދާ ކަހަލައެވެ. މުޙިއްބުލް ވަޠަނަށްޓަކައި ދިވެހި ރާއްޖޭގެ ފަސްގަނޑުން އިވިއިވި ހުރީ މިފަދަ ގައުމީ ޝުއޫރުތަކެވެ…….!

1965މ. ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހި ތާރީޚުގެ އާޞަފްޙާއެއް ލިއެވިއްޖެއެވެ. މަސްރަޙު މަތިން ތަމްސީލުވަމުން ދަނީ، ކުޅަދާނަ ސިޔާސީ މުޙައްނިކެއްގެ ޙިކުމަތު ޢަމަލީ އާ އެކުވެފަވާ ހަރުދަނާ ސިޔާސަތެވެ. މާތް ރަސްކަލާގެ އިރާދަފުޅާއި މިންވަރުފުޅުން ދިވެހި ގައުމު ދެން ދުވަހަކުވެސް ބަޔަކުމީހުންގެ އަޅުވެތިކަމުގެ ދަށަށް ނުވެއްޓޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ނިކަމެތި ފަކީރުން އެދުވަހު އިޙްސާސް ކުރަމުން ދިޔައިރު، މިއަދު މިދެކޭ އަޅުވެތިކަން ހުވަފެނުން ވެސް ނުދެކެއެވެ.

އާދެ! ރައީސް ނާސިރަށް ޙައްޤު ޤައުމީ މަޤާމު ހޯދައި ދިނުމަށް މިއަދު ދިވެހި ކޮންމެދަރިއަކުމެ ޢަޒުމު ކަނޑައަޅަންވާނެއެވެ. އޭނާގެ ކިބައިން ނިގުޅައިގަތް، ނިގުޅައިނުގަނެވޭނޭ ކަންތައްތަކެއް އޭނާއަށް ހޯދައި ދޭންވާނެއެވެ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ބަޠަލެވެ. އެއީ އެބަޠަލަށް ދިވެހި ރައްޔިތުން ހިބަކޮށްދީފައިވާ ޙައްގެކެވެ. އޭނާގެ ވެސް ނުރަނގަޅު ސިފަތަކެއް ހުއްޓެވެ. އެސިފަތަކުގައި ހިފައިގެން ދެމުމުގެ ބޭނުމެއް ނެތެވެ.

ރައީސް ނާސިރަކީވެސް އެހެންބޭފުޅެއްގެ ވެރިކަމަށްފަހު، ވެރިކަން ކުރެއްވި ބޭފުޅެކެވެ. ބައެއް ދިވެހިންގެ ކަށީގައި ހިފާފައިވާ އާދަ ފަދައިން، އެދުވަހުވެސް ކުރީފަހަރުތަކޭ އެއްގޮތަށް އިސްތިއުފާދެއްވި ބޮޑުވަޒީރު، ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލަގެފާނު (މިހާރުގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އިސްމާޢީލް ޝަފީޢުގެ ކާފަ) ގެ އަގުވައްޓާލުމަށްޓަކައި މަސައްކަތް ކުރަން ފެއްޓުނެވެ. ނަމަވެސް އެމަސައްކަތް ކުރެވުނީ ދާދި ކުޑަވަގުތު ކޮޅަކުއެވެ. އެކަން ފެށުމާ ނިމުމާދިޔައީ ދާދީއެކުއެކީގައެވެ. “ރާއްޖެ ވިއްކާލިބޭ ކޮބާ! ބޮޑު ސުއްޓާބޭ ކޮބާ!” މިފަދަ ބޭއަދަބީ ދެތިން ބަހެއް ގޮތް ކުޑަބައެއްގެ އަނގައިން ބޭރުނުވެއެކޭނޫނެވެ. ހަމަ އެހިނދުން، އެހިނދަށް އެބަޔަކު ހައްޔަރުކޮށް ޖަލަށް ލެވުނެވެ. އެކަން ކުރި ބަޔަކަށް ހީވެފައި އޮތީ އެކަމާ ރައިސް ނާސިރު ގަބޫލުފުޅު ވާނެކަމަށެވެ. އެންމެ ގޮތްކުޑަ ފާޑަށް ކިލެގެފާނުގެ އަގުވައްޓާލަން ދިމާކުރުމަކީ، ސަރުކާރުވެސް އެންމެ ރުހޭނޭގޮތް ކަމަށް ވެގެންދާނެ ކަމަށެވެ! މާތްކަލާކޮއްޓަކާއެވެ! ކޮންމެ މީހަކީ، ރައީސް މައުމޫނެއް ނޫނެވެ. ހަމަ ވަގުތުން އެޢިއްޒަތްތެރި ކިލެގެފާނުގެ ގަދަރާއި ޝަރަފު ސަރުކާރުން ހިމާޔަތް ކޮށްދެއްވި ގޮތުގެ ފުރިހަމަކަމާއެވެ! ރައީސް ނާޞިރުގެ މޮޅު ހިކްމަތެވެ. މިހުންނަނީ ނަބަވީ އިރުޝާދުގެ ވެސް ރީތި ފަރުމާއެވެ. މިސާލު ޖަހާލަންވެސް ރީތި ނަމޫނާއެވެ. އެކިލަގެފާނު އުމުރުފުޅުގެ މުސްކުޅިފުޅު ދުވަސްތައް ހޭދަކުރެއްވީ، ވަރަށްވެސް ބޮޑު ގަދަރުވެރިއެއްގެ ގޮތުގައެވެ. ބޭނުންފުޅުތަނަކަށް ފައިމަގުގައި ހިންގަވާ އުޅުއްވިއެވެ. ދޮން ދޮހޮއްކޮއާއި ހޯރަފުށީ މޫސަބޭ އަރިހުގައި ހިނގާއުޅުނެވެ. ގިނަގިނައިން އޯކިޑްމާގެއަށް ވަޑައިގެން އުޅުއްވިއެވެ. ބޭސްކޮޅަށް ދޫނިދުއަށް މާލެއަތޮޅު ހުރާއަށް ވަޑައިގެން އުޅުއްވިއެވެ. މީހަކު ކިލެގެފާނާ އަޅައިގަނެގެނެއް ނޫޅެއެވެ. މިހުރީ ހާދަހާވާ ރީތި މިސާލެވެ. ވެރިން ވެރިކަމަށް ފަހު، އުޅުއްވަންވީ ރީތި، ގޮތާއި އާދަތައް ދަށްކުވައި ދެއްވިއެވެ.

އާދެ! ފާމުލަދޭރިކިލެގެފާނަށް ފަހު ރައީސް ނާސިރުވެސް ވިހި އަހަރުގެ ދިގު ވެރިކަމެއް ކުރެއްވިއެވެ. މި ވިހިއަހަރަކީ، ދިވެހި ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވުނު އެންމެ ކުލަގަދަ ވިހި އަހަރެވެ. ރައީސް ނާސިރު ވެރިކަން ކުރެއްވީ، އިބްރާހިމް ފާމުލަދޭރިކިލެގެ ފާނުގެ މަހާނަމަތީގައި ހުންނަވައި ގެނެއްނޫނެވެ. މިހުންނަނީ އެކޮޅާމިކޮޅުގެ މިއަދުގެ ޒުވާނުން ޢިބްރަތް ލިބިގަންނަންވީ ހާދަ އަގުބޮޑު ފިލާވަޅުތަކެވެ. ވެރިކަން ބަދަލު ވުމަކީ ގުދުރަތީ ކަމެކެވެ. ކޮންމެ ވެރިއަކުވެސް މަސައްކަތް ކުރައްވަންވާނީ، ކުރިން ވެރިކަން ކުރެއްވި ބޭފުޅަކަށް އުނިކަމެއް ކުރެއްވިފައިވާ ނަމަވެސް އެބޭފުޅަކާވެސް މަޝްވަރާކުރައްވައިގެން ގައުމަށް އެންމެ ލާބަހުރި ސާފު ސީދާގޮތަކަށެވެ. ގައުމުގައި ތިބި ކާޅު ހޭރޭހެން ހޭރޭ މީހުންލައްވާ ބެރެކި ލަވަ ކިއުއްވާ ޤައުމުގައި އަނެއްބޭފުޅެއްގެ އަގު ވައްޓާލުމަކަށް ނޫނެވެ. ﷲ ދެއްވި ވެރިކަމަށް ތެދުވެރި ވާންވާނެއެވެ. އޭނާއަށް އެވެރިކަން ދެއްވީ، ހިތަށް އެރިގޮތަކަށް ކަންކުރާކަށް ނޫނެވެ!

ދެން ފަހެ، ހުރިހިތާމައެއްގެ ބޮޑުކަމާއެވެ! ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ތިޔަ ކުރެއްވީ، ދިވެހި ގައުމު ދުވަހަކުވެސް މަޢާފް ނުކުރާނޭ ކުށެކެވެ. ރައީސްނާސިރު ކޮން ބަޣާވާތެއް ކުރެއްވީތޯއެވެ؟ ހަމަ އެއެއްޗެކޭ މީއްޗެކޭ ކިޔައިގެން ރައީސްނާސިރު މިގައުމުގައި ތިޔަ ގަންހިންގުވީ، ހަމަ މިފަދަ ކޮންމެ ޖުލައި 26 އެއްގައި ރައީސްނާސިރުގެ ނަންފުޅު ގަނެވޭނެކަން ނޭގިހުރެބާވައެވެ! ދިވެހި ގައުމު އޮތްހާދުވަހަކު އެނަންފުޅަކީ، ތާޒާކޮށް ދިރުވޭނެ ނަންފުޅެކެވެ. ކުރީގެ ރައީސް ނާސިރު ގަންހިންގުވީ، އަމިއްލަ ވެރިކަން ވަރުގަދަކޮށް ދިގުދެންމުމުގެ ބޭނުމުގައި ކަން ކަށަވަރެވެ.

ފަހެ، ރައީސްނާސިރުގެ ޣައިރު ހާޒިރުގައި، އޭނާގެ މުދަލުގެ އަގުމަގު ކުރަމުން ދިޔަތަން ދިވެހި ރާއްޖޭގެ ތާރީޚު ލިޔާނެ ތެދުވެރި ބައަކު އެއިރުވެސް ބަލަމުން ދިޔައެވެ. މާގިނަ މިސާލުތަކެއް ނުލިޔުނަސް މިފަދަ ވަގުތެއްގައި އެފަދަ އެންމެ މިސާލެއް ނަމަވެސް ނަންގަނެލުމަކީ، ވަރަށް ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. އާދެ! ކްރެސެންޓް ޓުއަރިސްޓް އެޖެންސީގެ ރަށެއް ކަމުގައިވާ ބަނޑޮސް އައިލެންޑް ރިސޯޓް އަގުމަގު ކުރަމުން ދިޔަވަގުތެވެ. ޖަސްޓިސް މިނިސްޓްރީގެ އަގު ކޮމިޓީ ބަނޑޮހުގައި ޙަރަކާތްތެރި ވިއެވެ. އަގުލިސްޓްގައި، ތަކެތީގެ އަގު ޖެހެމުން ހުރެ އާދެއެވެ. ހަތްދިހަ ފަސްހާސް ޑޮލަރުގެ އަގު ހުރި، ޓެލެފޯން އެކްސްޗޭންޖްގެ އަގުކުމުގެ ވަގުތެވެ. އެކްސްޗޭންޖް ބެހެއްޓިފައިވާ، އެއަރ ކަންޑިޝަން ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. އެތަކެއް ސަތޭކަ ޓެލެފޯނެއްގެ މަސައްކަތް އެކްސްޗޭންޖުން ކުރަމުންދާއިރު ކިޔާނެ އަޑުފަށްގަނޑު ކިޔުންތެރިންގެ ކިތައް ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ތޯއެވެ؟ ބަނޑޮސް އޮތީ، ގެސްޓުންނާއިގެން ފުރިފައެވެ. އެތެރޭގެ ކޯލްތަކާއި ބޭރު ކޯލްތައް އައިސްގޮސް ވެއެވެ. ފުރަތަމަވެސް މިޖެހުނީ، އެކްސްޗޭންޖަށް ނަމެއް ދޭށެވެ. ނަމެއް ހޯދާކަށް އިންވޮއިސް ބަލާކަށް އެކަކުވެސް ނޫޅުނެވެ. އެއީ މާބާރުވެރި ފަރާތަކުން އައިސް ތިއްބެވި ބައެކެވެ. އެމީހުން ހޯދަން، އުޅުނުނަމަ ފެންނަންވެސް ހުއްޓެވެ. އާދެ، އެއަށް ދެވުނު ނަމަކީ………….. މަޢާފްކުރެއްވުން އެދެމެވެ. “ޓިން-ޓިން- މެސިން” އެވެ. ޓިން ޓިން މެސިނުގެ އަގަކަށް ކަނޑައެޅުނީ، ވަރަށް މަދު ޢަދަދެއްގެ ރުފިޔާކޮޅެކެވެ. ސަތޭކައިގެ ވަރަށް ދަށު ޢަދަދެކެވެ. މިއަގު ކޮމިޓީގެ ބައެއް ބޭފުޅުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. އަލްފާޟިލް ބޮއްބެ ކުޑަހުއްތުއާއި އަލްފާޟިލް ޢަބްދުﷲ ޢަލީ ނަސީރު ފަދަ ބޭފުޅުންނެވެ. މިއީ އެބޭފުޅުންނަށް ބުނާ ކުޑައިމިސް ބަހެއް ނޫން އިނގޭތޯއެވެ. އެއިރު ކަންއޮތް ގޮތެވެ. ބޮޑުން އެމީހުން ލައްވާ އެކަން ކުރުވި ގޮތެވެ. ފަރުދާގެ ބިއްދަށުގައި ހުންނެވީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ހަމީދެވެ. މިއީވެސް ރައީސް މައުމޫނު އަޅުގަނޑުމެން ނަށް، ދަސްކޮށްދެއްވި ފިލާވަޅެކެވެ. ރައީސް ނާސިރުގެ އެއްޗެތިކޮޅު، އަގުމަގު ކުރުމަކުން ނިމުނީއަކީ ނޫނެވެ. ހިކިފިނިފެންމާގޭ ބައެއް ބައެއް މުދާ (އޭގެތެރޭގައި ރިސޯޓްވެސް) ހިމެނެއެވެ. މަޝްހޫރު ސަފާރީ އުޅަނދު “ދަންޑަހެލު” ގެ ހިތާމަވެރި ނިމުން ނިކަން ހަނދުމަފުޅަށް ގެންނަވާ ބައްލަވާށެވެ. އެއޮތް ބޮޑު މުދާ ގަނޑު ފުނޑާލީ ބަނޑޮހުގެ ފަރުމައްޗަށެވެ. މިއީ ގަސްތުގައި ބަޔަކު ރާވައިގެން ކުރިކަމެކެވެ. ހިންގި ވަރުގަދަ ލާއިންސާނީ ހަރަކާތެކެވެ. ބޮޑު ޖަރީމާއެކެވެ.

މި، ފާރުގަނޑުން ލޭހިލޭ މިސާލު، އަދިވެސް އާރޯކަމާ ތާޒާކަމާއެކު ވޭން އަޅާލައަޅާލާ އެބައޮތެވެ. ރައީސް މައުމޫން ޢަބްދުލް ގައްޔޫމާ އޭނާގެ ބައިވެރިންނަށް ވެސް މިދުވަސް ނާންނާނެ ކަމެއް އެނގޭ ފަހެ ހުރީ ކާކުހެއްޔެވެ! ﷲ އީ، ހުރިހާކަމަކަށް ކުޅަދުންވަންތަ ހުސް ތޯހިރު ވަންތަ ކަލާނގެއެވެ. ކޮންމެއަކަސް މިކަންތައް ގަނޑަކީ، މިރާއްޖޭގެ ރައްޔިތުން އެދޭނެ ގޮތެއް ނޫނެވެ! ރައްޔިތުންގެ އެދުމަކީ، ކޮންމެ ޒަމާނެއްގައި ވެސް ޢަދުލު އިންސާފުން ކަންކުރުމެވެ. ތިމާ ރުޅިއަންނަ މީހަކަށް ވާތީ، ނުނިޔަތްލާ ހަސަދަ ފިލުވާލުމެއް ނޫނެވެ. މާތްﷲ އިރާދަކުރެއްވިއްޔާ މިފަދަ ގޮތެއް މިޤައުމުގައި ދެން ތަކުރާރު ނުކުރައްވާށިއެވެ. ހައްގަށް، ހައްގު މަތިކުރައްވާށި އެވެ! އާމީން!

މިއަދު ގައުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު މިނިވަންކަމުގެ ބަޠަލުން ހަނދުމަކޮށް ޤައުމުގައި އަށަގަންނުވަންވީ ޢަޒުމަކީ، ޢަދުލު އިންސާފަށް ކަންކުރުމުގެ ޢަޒުމެވެ. އިޖްތިމާޢީ ޢަދާލަތް މުޖްތަމަޢުގައި ގައިމުކުރުމެވެ. އެއްވެސް ކަމެއްގައި ހަމަތައް ފުނޑާލާފައި ނުދިއުމުގެ ޢަޒުމެވެ. މިހާރު މިއޮތް ވެރިކަން ވެސް ނިމޭނެ ދުވަސް އޮތީއަކީ، މާދުރެއްގައި ނޫންކަން އަޅުގަނޑުމެން ދަންނަންޖެހޭނެއޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އޮޅުމެއް ނެތްގޮތުގައި އެއީ އަންނާނެ ދުވަހެކެވެ. މިއަންނަ ރިޔާސީ އިންތިޚާބުގައި އެކަން ނިމިދިއުމަކީ، ހަމަކާރިކަމެކެވެ. ﷲ އެކަން އެގޮތަށް މިންވަރު ކުރެއްވުމަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބައެއްގެ އެދުންކަން ކަށަވަރެވެ. ފަހެ، މިއަހަރުގެ، މިނިވަންދުވަހުގެ ހަނދާނުގައި ރައީސް މައުމޫނަށް ގޮވާލަމެވެ. ހަދުމަކޮށް ދެމެވެ. އަލްމަރުޙޫމު ސިއްކަގޭ ހުސައިން މަނިކުފާނުލައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުވައިގެން ނިގުޅައިގެންނެވި، ހުރިހާ ޢިއްޒަތަކާއި ލަޤަބެއް ދިވެހިން އަދު ދެކެމުން މިދާ މިނިވަންކަމުގެ ބަޠަލަށް އަނބުރާ އިޢާދަ ކޮށްދެއްވާށެވެ. ސަރުކާރުން މިކަމާއުޅެ ނުދެއްވައިފި ނަމަ، މާލޭގެ ދެމެންބަރުން މިކަމާ އުޅެދެއްވުމަކީ، ދިވެހިންގެ މިނިވަންކަން ޙައްޤުގޮތުގައި ދެމެހެއްޓުންކަން ޔަޤީނެވެ. ކަށަވަރެވެ. މިގޮތުންވެސް، މިކަން ނުވެއްޖެނަމަ، އަޅުގަނޑުމެން ދިވެހި ރައްޔިތުން މިތިބީ، އެއަގުހުރި ރައީސް އިބްރާހިމް ނާސިރުގެ ނަންފުޅުގެ ފަހަތަށް އެބައި އިތުރުކުރާށެވެ. އެކަން ﷲގެ އިރާދަފުޅުން އަޅުގަނޑުމެން ކުރާނަމެވެ. އެނާއަށް ދައުވަތު އަރުވައިގެން ލޮބުވެތި މިފަސްގަނޑަށް ގެންނާނޫއެވެ. ނިކަންބާރެއް ހުރިނަމަ ހުއްޓުވާލަ ބަލާށޭވެ. މި ލޮބުވެތި ފަސްގަނޑުގައި ހައްގުގެ މަށްޗަށް، ހައްގުގޮތް ދަމަހައްޓަވާށި އެވެ! ފަހެ، ﷲ ހައްގަށް، ނަސްރު ދެއްވާނެކަން ކަށަވަރެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page