ދުރުރާސްތާގެ ޚިޔާލީފޮލާ ކެއްކުމުގެ ވާހަކަތައް މަދުކޮށް، ކުރުރާސްތާގެ ކަންކަމަށް އަމަލީސިފަގެންނަން ވެއްޖެއެވެ.
- ilyashusein
- Nov 2, 2009
- 4 min read
(ލިޔުނީ: އިލްޔާސް ހުސައިން އިބްރާހީމް. މާޗް 2009 ގައި)
ފަހެ ދަންނާށެވެ! ދިވެހިރައްޔިތުންގެ އެންމެމަތީ “ގެ” ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުންބޭރު ޖަލްސާތަކެއް ބާއްވައިގެން ހާސިލުކުރެވުނު ނަތީޖާ، ރައްޔިތުންނަށް އެއްގޮތަކަށް ވެސް ނުފެނުނެވެ. ޖެހުނީ ހަމަޖެހުނު ތަނުގައެވެ. ކުރިފައިދާއެއް ނެތެވެ. ބޭކާރު ވާހަކަތަކެއް ދެކެވިއްޖެއެވެ. އަރާރުންތަކެއް ވެއްޖެއެވެ. ބައެއް ސިޔާސީ މީހުންގެ އިހުސާސްތަކަށް ވަގުތީގޮތުން ފިނިކަމެއް ލިބިއްޖެއެވެ. ޖުމްލަކޮށް ރައްޔިތުންނަށް ހާސިލުވި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ފަހެ ޗުއްޓީގެ ދުވަސްވަރު ޗުއްޓީއަށް ހައްދަވާފައި ދައުރުފެއްޓެވި ނަމަވެސް، ހާސިލުވީހީ ހަމައެއް ނަތީޖާއެއްކަން ކަށަވަރެވެ. މުޅިދުނިޔޭގެ އިގްތިސާދަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން، އިއްޒަތްތެރި އަމިއްލަ މެންބަރެއްގެ ހީވާގި މަސައްކަތް ޕުޅުން، ދާދިފަހުން މަޖިލީހުގެ ތަޅުމުގައިވެސް ސީދާކޮށް މިބަހުސް ކުރެވިއްޖެއެވެ. މިހާތަނަށް އިވިގެންދިޔައީ ހަމަހުސް އަނގަތެޅުން ތަކެކެވެ. ކުރެވުނުކަމެއް، އެޅުނުފިޔަވަޅެއް އަދިނެތެވެ. އިގްތިސާދީ މާހިރުންގެ ކޮމެޓީއެއް އުފެދިދާނެހެން ހިޔެއްނުވެއެވެ. ފަހެ، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލާއެކު، ރާއްޖޭގެ އިގްތިސާދު އޮތީވަރަށް ޚުތޫރަތްތެރި، އަދި އެހާމެނާޒުކު އަނދަވަޅެއްގެ ތެރޭގައެވެ. ކިރިޔަކިރިޔާ ބަނގުރޫޓުނުވާ ހިސާބުގައެވެ. ރައްޔިތުންގެ އިހުސާސްތަކާއި ވިންދުތަކާއެކު، ރާއްޖޭގެ ވެރިކަމަށް ގެނައިބަދަލާ ގުޅިގެން ވެރިކަން މިހާރުމިއޮތީ ބަދަލުކޮށް ލާފައެވެ. އެއްފުށުން އަނެއްފުށަށް ޖަހާލާފައެވެ. ދައުލަތަށް ބޮޑެތިޚިޔާނަތްތައް ވެފައިވާ މީހުން ދައުލަތުގެ މަތިފަޑިން ދުރުކޮށްފައެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ އެއްގޮތަށް އުފެދުނު އާވެރިކަމުން ގާނޫނީ ސަރުކާރެއް އެންމެ ފުރިހަމަގޮތުގައި ހިންގަން ޖެހޭނެއެވެ. ކޮންމެހެން މަޖުބޫރު ކަމެކެވެ. ކެންޕޭނު ދުވަސްވަރު ހުށަހެޅި ސިޔާސަތުތައް ފަސްއަހަރު ވަންދެން ދައުލަތުގެ ސިޔާސަތުގެ ގޮތުގައި ތަންފީޒުކޮށް ދޭންޖެހޭނެއެވެ. ﷲގެ އިރާދަފުޅުން ފަސްއަހަރު ދުވަހަށް މިސަރުކާރު ދެމި އޮންނާނެއެވެ. ޝައްކެއްނެތެވެ. ވައުދުތައް ފުރިހަމަކުރާނެއެވެ. ﷲގެ އިރާދަފުޅާ އެކުގައެވެ.
އަޅުގަނޑުގެ ސާފުސުވާލަކީ، ދުރުރާސްތާގެ ކަންތައްތަކެއް ބޮޑުބަދަލެއްގެ ގޮތުގައި، ގައުމަށް ގެނެވެމުން ދާއިރު، ކުރުރާސްތާގެ ދަށުން ކުރަންޖެހޭ މުހިންމު ކަންތައްތައްނުކޮށް، ހުއްޓާލައިގެން ތިބީ ކީއްވެގެން ތޯއެވެ؟ ދީލަތި ސަތޭކަދުވަސް ފަހަނައަޅާ ހިނގައްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުކޮމެޓީން ކުރުރާސްތާގައި ކުރެވެންހުރި ކަންތައްތައް ކުރައްވާތަނެއް ނުފެނެއެވެ. އެކަމާއަޅާލާ މީހަކުނެތެވެ. ކޮޅެއްނެތްހާ ހިތާމަހުއްޓެވެ! ރައީސް ނަޝީދުގެ ސަރުކާރުން ކުރުރާސްތާގައި ކުރެވެންހުރި ކަންތައް ކުރާތަނެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ސަރުކާރަށް ސަތޭކަދުވަސް ހަމަވުމުން، ސިޔާސީ ކަމެއްގައި އެއްވެސް މީހަކު ބަންދުނުކުރާކަމަށް ވިދާޅުވެ ފަޚުރުވެރި ވެވަޑައި ގެންފިއެވެ. ދީނީކަންތައްތަކާ ބެހޭ މިނިސްޓްރީން ސަތޭކަދުވަސް ހަމަކުރިއިރު، ދީނީކަމެއްގައި އެއްވެސް މިހަކު ބަންދުކޮށް، ޓުމާޓޯސޯސް އުނގުޅާއިގެން ހަމައެކެއްގެ ވެސް ތުނބުޅިބާލާފައި ނުވާނެ ކަމަށްބުނެ ފަޚުރުވެރިވާ މަންޒަރު ދައުލަތުގެ ޓީވީތަކުން ލައިވުކޮށް ރައްޔިތުންނަށް ފެނިއްޖެއެވެ. ފަހެ، މިއީ ފަޚުރުވެރި ވާންޖެހޭ މާމޮޅުވާހަކައެއް ނޫނެވެ. މިކަން ރައްޔިތުންނަށްވީ ހެއްވާ ކަމަކަށެވެ. ގާނޫނަކީ، ގާނޫނެވެ. ދުސްތޫރަކީ، ދުސްތޫރެވެ. ފަހެ، އެއީ ދައުލަތުގެ ސިޔާދަތެވެ. ކަރާމާތެވެ. ޝައްކެއްނެތެވެ! ގާނޫނު ހިންގުމަކީ، ގާނޫނީސަރުކާރެއް ނަގާކޮޅަށް ޖެހުމެވެ. ގާނޫނުތައް ތަންފީޒުކުރާ ސަރުކާރެއް ހިންގުމެވެ. ގާނޫނީވެރިކަމެއް ހިންގުމެވެ. ދައުލަތުގައި ގާނޫނީހުކުމް ތަންފީޒުކުރުމެވެ. ގާނޫނީ ހުކޫމަތެއް ގައިމުކުރުމެވެ. އަފޫކޮށް ދީލަތިމާފުދީ، ހިތްތިރި ކުރުމެއްނޫނެެވެ. ކޮރަޕްޓްމީހުން ކާރިކުރުމެއް ނޫނެވެ. ލޯބިވާއަމިއްލަ ދަރިފުޅު ވައްކަންކުރިޔަސް ގާނޫނީހުކުމް ތަންފީޒުކުރުން ހުއްޓެވެ. ފަހަށްޖެހި ދީލަތިއަފޫއާ ދިމާއަށް ގޮސްގެން ނުވާނެއެވެ. ވަކިބައެއްގެ ރުހުން ލިބިގަތުމަށް ޚާއްސަކަންތައް ތަކެއް ކުރެވިގެން ނުވާނެއެވެ.
އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! ދައުލަތުގެ ޚަޒާނާގައި ބާކީހުރިމަދު ފައިސާކޮޅު، އިތުރު ވަމުންދާތަން ނުފެނި އެފައިސާކޮޅުދަނީ، ދުވަހުން ދުވަހަށް ހުސްވަމުންނެވެ. ކޮންމެމަހަކު ދުއިސައްތަ މިލިޔަންރުފިޔާ ދައުލަތުގެ ޚަޒާނާއިން ދަރަންޏަށް ނަގައެވެ. މިހާތަނަށް ހަސަތޭކަ މިލިޔަނައްވުރެ ގިނަރުފިޔާ ޚަޒާނާއިން މިސަރުކާރަށް ވީފަހުން ނެގިއްޖެއެވެ. އެމްއެމްއޭގައި ހުރިފައިސާކޮޅު ހުސްވަނީއެވެ. މިއަދާހަމައަށް ވެސް މަޖުބޫރުވެފައިއޮތީ، މިކަންމިގޮތަށް ކުރިޔަށް ގެންދާށެވެ. އެނޫންގޮތެއް އަދިފެނިފައެއް ނެތެވެ. ނަގުދުފައިސާދޭނެ ބިދޭސީފަރާތެއް ނުވިއެވެ. އިނގިރޭސިން މާބޮޑަކަށް މިރޮނގުން އަޅައެއް ނުލިއެވެ. ރާއްޖޭގެ ބަލަދުވެރިޔާކަމަށް އެންމެކުރީއްސުރެ ދައުވާކުރާ އިންޑިޔާއިން ލިބުނީ އަޑުއެރުވި ގޮތާޚިލާފަށް ވަރަށްކުޑަ ފައިސާކޮޅެކެވެ. އެވެސްލިބުނީ ލޯނެއްގެ ގޮތުގައެވެ. އެންމެ ފަންސާސް މިލިޔަން ޑޮލަރުކަމަށް ބުނެވެއެވެ. އަދިއެންމެ ޑޮލަރެއްވެސް އޭގެތެރެއިން އަތަށް އެރިކަމަކަށް ނުވެއެވެ. ފަހެ، ޕްލޭންތައްހުރީ ދުރުރާސްތާއަށް އަމާޒުކޮށެވެ. ކުންފުނިތައް ހަދާއި ޕްރައިވެޓައިޒް ކުރެވޭތޯ ވާހަކަތައް ދެކެވެމުންދާއިރު ވަރަށް ރީތިވާހަކަތައް ދެފަރާތުންވެސް ދެކެވޭނެއެވެ. ޚިޔާލީފޮލާ ކައްކާނެއެވެ. އަޑުއަހާ ހިތްވާކަހަލަ ރީތިވާހަކަތައް އިވޭނެއެވެ. އެއްގަލަށް އެރިދާނެކަމަށް ހީކޮށް އެމްއޯޔޫ ތަކެއްގައި ވަރަށް ފަސޭހައިން ސޮއިކޮށް ފާނެއެވެ. އެއީ މިޒަމާނުގެ ޗަލާކީ ދުނިޔޭގައި ކަންމަގު ހިނގާގޮތެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށްދާނީ، އަދިވަރަށްފުން ވިސްނުންތަކަކަށް ފަހުކަމުން އަދިވެސް ވިޔަފާރީގައި ބައިވެރިވާ ޕާޓްނަރަކު ކުންފުންޏެއްހަދައި ސޮއިކުރުމަށް ބައިވަރު ދުވަސްތައް ނަގާނެއެވެ. މިކުންފުނިތަކަކީ، ދުރުރާސްތާ ތެރޭގައި ހާސިލުވާން އޮތްކަމެކެވެ. އަދިވެސް އަމަލީމަސައްކަތް ފެށުމަށް ދުވަސްނަގާނެއެވެ. ހަގީގަތަކަށްވާނީ ދުވަހުންނެވެ.
ފަހެ ދަންނާށެވެ! މިވާހަކަތަކުގެ ތެރޭގައި ފުންކޮށް، ޣަރަގުވެ މަޖަލުގައި ތިބޭއިރު ކުރުރާސްތާއޮތީ، ހިތްތިރިކުރުމާއި އަފޫކުރުމުގެ ދީލަތިމާފެއްގެ ތެރޭގައި ހުސްކޮށް ދޫކޮށް ލައްވާފައެވެ. ނުވަތަ ސިއްރު އެއްބަސްވުމެއްގެ ދަށުން ގަސްތުގައި ދޫކޮށްލާފައެވެ. ގާނޫނުގެ ހުކުމް ނުހިންގާ ގޮތަށެވެ. މިކަމަކީ، ބަދަލުހިފުން ކަމަށް ތައުބީރުކޮށް ހިތުގެއަޑިން ގަބޫލުކޮށް ގެންނެވެ. ބޭރުދުނިޔޭގެ ބައިނަލް އަގުވާމީ ރައްޓެހިންވެސް ގޮވާލަނީ ބަދަލުނުހިފުމަށެވެ. ފަހެ، ދަންނާށެވެ! ދައުލަތަށް ޚިޔާނަތްތެރި ވެފައިވާ ޣައްދާރުންނާ ދޭތެރޭގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ، އެއްގޮތަކަށްވެސް ބަދަލުހިފުމެއް ނޫނެވެ. މާނައޮޅުވާ ނުލައްވާށެވެ. ބަދަލު ހިފުމަކީ، ކަމެއްނުކޮށް ރީތިކޮށް ތިބިބަޔަކު ގެނެސް ހިފާހައްޔަރުކޮށް އަމިއްލައަށް ހަދައިގެން ބަޔާންތައް ނެގުމަށްފަހު، ވަގުސޮއިކޮށްގެން ގަނޫނީހުކުމް ހިންގުމެވެ. ދައުލަތަށް ޚިޔާނަތްތެރިވި މީހުންނާދޭތެރޭގައި ފިޔަވަޅުއެޅުމަކީ، ބަދަލުހިފުމެއް ނޫނެވެ. އެއީ ގާނޫނުހިންގުމެވެ. ގާނޫނީ ވެރިކަން ކުރުމެވެ. ރައީސް މައުމޫނުގެ އަނިޔާވެރި ސަރުކާރުގައި ކަންކުރީ ބަދަލުހިފުމުގެ ސިޔާސީ އޮއިވަރެއްގެ ގޮތުން އެއްވެސް އަސްލެއްނެތިއެވެ. ހަގީގަތާޚިލާފަށް ދޮގުއީޖާދުކޮށް ގެންނެވެ. މުޅިން މަޖުހޫލުކޮށެވެ. އެހެނަސް އަޅުގަނޑުމެން މިގޮވަނީ އެގޮތަށް ބަދަލުހިފުމަކަށް ނޫނެވެ. ދައުލަތަށް ޚިޔާނަތްތެރި ވިމީހުންނާމެދު ގާނޫނީހުކުމް ހިންގައި ދިނުމަށެވެ. ފަހެ، ދައުލަތަށް ޚިޔާނަތްތެރިވެފައިވާ ޣައްދާރުންގެ ގައިގާއަތްނުލާ ދޫކޮށްލެވިގެން ނުވާނެއެވެ. ދައުލަތަށާއި ރައްޔިތުންގެ މުދަލަށް ޚިޔާނަތްތެރިވެ އިހުމާލުވެފައިވާ މީހުންނާ ދޭތެރޭގައި ހިތްތިރިކޮށް އަފޫކޮށް ދީލަތިވެގެން ހުރުމަކީ، ރައްޔިތުންއެދޭ ގޮތެއް ނޫނެވެ. އަދި ރުހޭކަމެއްނޫނެވެ. ގައުމުގެ ޣައްދާރުންނަށް ރައްޔިތުންގެ ފައިސާއިން އެކިޚަރަދުތައް އެކިނަން ނަމުގައިދީގެން އޮފީހެއް ހިންގުމާއެކު ސިޔާސީ ޕާޓީއެއްގެ ޒައީމުކަންކޮށް ރައްޔިތުންގެ ސަރުކާރަށް ފާޅުގައި ގެއްލުންދޭން ދޫކޮށްލުމަށްފަހު، ބަލަންހުރެގެން ނުވާނެއެވެ. މިކަމަކީ، ދުޅަހެޔޮ ފުރިހަމަ، ތޯހިރު ޑިމޮކްރެސީތަކުގައި ކުރާކަން ކަމެވެ. ރާއްޖެފަދަ ކުޑަކުޑަ ވަރަށް ޅަފަތުގައިއޮތް ޑިމޮކްރަސީއަކަށް އެގޮތްތަކެއްފިޓެއް ނުކުރެވޭނެއެވެ. މުނާސަބެއް ނުވާނެއެވެ. އާއަސާސީގެ ދަށުންނޫން ގޮތަކަށް މިއީކުރެވިގެން ވާނެކަމެއް ނޫނެވެ.
އޭ! ރައީސް ނަޝީދެވެ! ތިޔަހެން ނުހައްދަވާށެވެ! ދައުލަތަށް ޚިޔާނަތްތެރިވެފައިވާ ޣައްދާރުންގެ ތަހުގީގުތައް ފައްޓަވައި ދެއްވާށެވެ. އެކަންކުރަންޖެހޭނީ މިހާރުގެ ސަރުކާރުންނެވެ. ރައްޔިތުން އިސްނަގައިގެން، އަމިއްލައަކަށް ނޫނެވެ. ރައްޔިތުންގެ މުދަލާއި ފައިސާއިން ޚިޔާނާތްތެރިވި މީހުންގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނުކަން ކަށަވަރެވެ. ކެންޕޭނު ދުވަސްވަރު ހެކިތައް ކިޔައިދެއްވީ ޚުދުމަނިކުފާނާއި މަނިކުފާނުގެ ޚާއްސަމުޝީރު ނޫންތޯއެވެ. ސަރުކާރުން ޚަރަދުދީގެން ސަރުކާރު ރޫޅާލުމަށް މަސައްކަތް ކުރުމަށް ސިޔާސީޕާޓީއެއްގެ ޒައީމެއްގެ ގޮތުގައި ހަރަކާތްތެރިވާން ރައީސްމައުމޫނު ދޫކޮށްލާފައި ނުބަހައްޓަވާށެވެ. އެވަރުގެމީހަކު އެފާޑަށް މިހާރު އެކުރައްވާ ކަހަލަ މަސައްކަތް ކުރެއްވުމަށް، މިނިވަންކޮށް ދޫކޮށްލާފައި ހުރުމަކީވެސް ޖަރީމާއެއްކަން ހަދާންކުރައްވަން ވާނެއެވެ. އެންމެކުޑަމިނުން ސިޔާސީކަންކަމުގައި ހަރަކާތްތެރިވެ ނުލައްވާ މަޑުމަޑުން ހުންނަވާނަމަ، އެންމެރަނގަޅެވެ.
ފަހެ، ދަންނާށެވެ! ދައުލަތުގެ ޚަޒާނާގައި ބާކީހުރީ، އައްޑިހަވަރަކަށް ހާސްޑޮލަރުކަމަށް ބައެއް ރިވާޔަތް ތަކުން އިވެއެވެ. އެފައިސާކޮޅު ހުސްވީމާ ރައީސްމައުމޫނު ހެއްދެވިގޮތަށް މިހާރުބޭނުންކުރާ ނޫޓުތައް އުވާނުލާ، އަލުން ޗާޕުކޮށްލީމާ ވަގުތީހައްލެއް ގެނެވުނީ ކަމަށްބަލާ، ހަމަނިންމަވާ ލައްވާނީ ތޯއެވެ؟ ފަހެ، މިއީ ވަރަށްބޮޑު ގޯހެކެވެ. ވެގެންދާނީ ރައްޔިތުންނަށް ގޮންޖެހުމަކަށެވެ. ފަހެ، އިންސާފު ކުރެވެންވާނީ މީހާއަށެވެ. ދައުލަތަށް ޚިޔާނާތްތެރިވި ޝަޚްޞާ މެދުގައެވެ. އަންނަރުޅިވެރިކަން ދައުލަތުގެ ތަރިކައެއް ކަމުގައިވާ ރިޔާސީ ގަނޑުވަރަށް ބާލައިގެން ނުވާނެއެވެ. އޮފީސްތަކަކަށް ބަދަލުކޮށްލައި އެތަރިކަ ވީރާނާކޮށްލައިގެން ނުވާނެއެވެ. ދުރުރާސްތާގެ އަމާޒުތަކަށް ވާސިލުވުމަށް ސީދާމިސްރާބަށް ދަތުރު ކުރަމުންދާއިރު، ކުރުރާސްތާއަށް ވާސިލުވުމަށް ކަންތައްތަކެއް ކުރަން ޖެހޭނެއެވެ. ހުރިހާ ރާސްތާއަކަށް އެއްވަރަށް ދަތުރުކުރަން ޖެހޭނެއެވެ. ޚާއްސަކޮށް ކުރުރާސްތާއަށް ދަތުރުކޮށް ގާނޫނީސަރުކާރެއް ގައިމުކޮށް، ގާނޫނީހުކުމްތައް އެންމެ ފުރިހަމަގޮތުގައި ހިންގަން ޖެހޭނެއެވެ. ރައްޔިތުންގެ ތެރެއަށް އަލަށް ޗާޕްކޮށްގެންނާއި ޗާޕްކޮށްފައިހުރި ނޫޓުތައް ޕަންޕުކުރުމަކުން ނުފުދޭނެއެވެ. ކުރީގެސަރުކާރުން ދައުލަތަށް ވެފައިހުރި ޚިޔާނާތްތައް ތަހުގީގުކޮށް ބަލަންޖެހޭނެއެވެ. ވަގަށް ނަގާފައިހުރި ފައިސާތައް ހޯދަންޖެހޭނެއެވެ. އިޅުވާލައިގެން ނަގާފައިއޮތީ ކިތައްރަށްތޯ ބަލަން ޖެހޭނެއެވެ. ރައްޔިތުންނަށް އަނިޔާވެރިވި، ސަރުކާރު ބަދަލުވިއިރުހުރި ހިސާބުކިތާބުތައް ބެލެން ޖެހޭނެއެވެ. ފޮރުވައި ނައްތާލި މުހިންމު ލިޔުންތައް ހޯދައި ބަލަންޖެހޭނެއެވެ. އިގްތިސާދީ މާހިރުންގެޓީމެއް ވަގުތުން އެކުލަވާލަން ޖެހޭނެއެވެ. ރާއްޖެމަތީގައި ނަގާފައިއޮތް އިގްތިސާދި ކޮޅިގަނޑުން ސަލާމަތްވެވޭނެ ފިޔަވަޅުތަކެއް ވަރަށްއަވަހަށް އަޅަންވެއްޖެއެވެ. ކުރުރާސްތާގެ އަމާޒަށް ވާސިލުވުމަށް ފުރިހަމަ ޒިންމާތަކެއް ނަގަންވެއްޖެއެވެ. ރައީސް މައުމޫނާއި އެފެންވަރުގެ އެހެނިހެން ޣައްދާރުން، ދޫނިދޫއަށްލައި ތަހުގީގުތައް ފަށަންވެއްޖެއެވެ. ކުރީގެ އަނިޔާވެރި ސަރުކާރުން ވެފައިވާ ޚިޔާނަތްތައް ރައްޔިތުންނަސް އަޑުއިވޭގޮތަށް، ހުޅުވާލައިގެން ބަލަންފަށަން ވެއްޖެއެވެ. ދީލަތި ސަތޭކަދުވަސް ދީލަތިވެރިއެއްގެ ފަރާތުން ދެވިއްޖެއެވެ. ވީކަމެއް ހަރާމެވެ. ދިވެހިންދަންނަ އެފްޕީއައިޑީގެ މަޝްހޫރުބޮޑު ޚިޔާނަތް، އަލުންތަހުގީގުކޮށް ބަލަންފަށަން ވެއްޖެއެވެ. ގަސްގަނޑު އާރުލާފަލަވާން ބަހައްޓާފައި އޮފިތަކާއި ފަތްކޮޅުތަޅާލީ، ކީއްވެގެންތޯ ބަލަންވެއްޖެއެވެ. 3 ނޮވެންބަރ 1988މ. ގެ އަޑިހޯދަން ވެއްޖެއެވެ. އެއަރ މޯލްޑިވްސްގެ ޚިޔާނަތްތައް ބަލަންވެއްޖެއެވެ. ދިވެހި ދައުލަތުގެ ޚަޒާނާހުސްކޮށްލީ ކިހިނެއްތޯބަލަން ވެއްޖެއެވެ. ޚަޒާނާގައިހުރި، ހުރިހާޑޮލަރެއް ބޭރުކުރީތޯ ބަލަން ވެއްޖެއެވެ. ފަހެ، މިކަންކަމާމެދު، އިގްތިސާދީ މާހިރުންގެ ރިޕޯޓެއް ރައްޔިތުންނަށް ލިބެންވެއްޖެއެވެ. ޚަޒާނާގައި ހުރިބޭރުފައިސާތައް އެކިދިމާތަކަށް ބެހިގެންދިޔަގޮތް ބަލަން ވެއްޖެއެވެ. ތަހުގީގު ކުރަންވެއްޖެއެވެ. ރައީސް މައުމޫނުގެ ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ހިލްއެންޑްނޯލްޓަން ކުންފުންޏަށް ކުރިޚަރަދުތައް ތަހުގީގުކޮށް ބަލަންވެއްޖެއެވެ. ނިއޫމޯލްޑިވްސްގެ ބަތާނަގަނޑު ބޭޒާރުވާން ވެއްޖެއެވެ. ޑޮކްޓަރ ޝަހީދު ކުޅުއްވި، ޚުތޫރަތްތެރި ކުޅިވަރުގެ އަޑިއިނގެން ޖެއްޖެއެވެ. ބޭރުގައި ހުރިއެންބަސީތަކުން ކުރިޚަރަދުތައް ހޯދާބަލަން ވެއްޖެއެވެ. ބެންކް އޮފް މޯލްޑިވްސްއިން ގެއްލިގެންއުޅޭ ފައިސާތަކުގެ އަޑިއިނގެން ވެއްޖެއެވެ. ދައުލަތަށާއި ރައްޔިތުންނަށް ޚިޔާނަތްތެރި ވެފައިވާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަންވެއްޖެއެވެ. އިންސާފު ގެނެސްދޭން ޖެހޭނެއެވެ. ފަހެ، މިކަންކުރުމަކީ، ބަދަލުހިފުމެއް ނޫނެވެ. ރައްޔިތުންނަށް އިޖްތިމާއީ އަދާލަތުގައިމު ކޮށްދިނުމެވެ. ރައްޔިތުންނަށް އިންސާފުހޯދައި ދިނުންކަން ކަށަވަރެވެ. އޭ! ﷲ އެވެ! އަޅަމެންނަށް އަވަހަށް އިންސާފުގެނެސް ދެއްވާށެވެ! ބާތިލުނެތިކޮށް ދެއްވާށެވެ! އާމީން!


Comments