top of page

މުޠްލަޤުޙުކުމެއްގެ ދަށުން، ބޮޑުމަޖިލީހުގެ 161 ވަނަ ޖަލްސާ، ރައީސްޤާސިމް ހުއްޓަވާލައްވައިފި.

  • Writer: ilyashusein
    ilyashusein
  • Oct 10, 2009
  • 5 min read

އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007މ. ގައި)

8 ޖުލައި 2007މ، (އާދީއްތަ) ދުވަހުއޮތް ރައްޔިތުންގެ ބޮޑުމަޖިލީހުގެ 161 ވަނަ، ޖަލްސާ މުތްލަޤުޙުކުމެއްގެ ދަށުން، ރައީސްޤާސިމް އިބްރާހީމް ހުއްޓަވާލައްވައި ދުވަސްކޮޅަކަށް އެމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައްވައި ފިއެވެ. މުޠްލަޤުޙުކުމަކީ، އެހެންމީހުންގެ ޙައްޤުތަކަށް އަޅާލުމެއް، ބަލާލުމެއްނެތި ޚުދުއަމިއްލަ ޝަޚްޞީބާރުން، އެހެންބައެއްގެ މައްޗަށް ހިންގާ އިސްތިބްދާދީ އަމުރެވެ. ފަހެ، ބޮޑުމަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ބާރުލިބިހުރެ، އަޅުގަނޑު ދަންނަވާނީ، ފުރުޞަތަކަށް އެދުމުން އަނގައިންބުނުމުގެ ޙައްޤުނުދެއްވައި ޖަލްސާނިންމާލެއްވީ، ވަރަށް އޮޓޯކުރޭޓިކް ގޮތަކަށެވެ. ރައީސްޤާސިމުގެ މިޢަމަލުން، އަޅުގަނޑުގެ ހިތަށް ސިފަވެގެން ދިޔައީ، އެހެންމީހުންގެ ޙައްޤުތަކަށް ބަލާލުމެއްނެތި، މުޠްލަޤުއަމުރުތައް ނެރުނު ހެޓިލަރުމެންފަދަ ޖައްބާރު، ރައީސުންނަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ! މިހިރަގެން ބޭޒާރުވަނީ، ނުބައި ރޭވުންތަކެވެ. ނެރެދައްކާލާ ކޮންމެ ދަޅައަކުން، ރައްޔިތުންގެ ޙައްޤުތައް ނިގުޅައި ގަނެ އުނިކޮށްލައެވެ. މަޖިލީހުގެ ގަވާއިދަކީ، އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވިއެވެ. އެއާ އެއްގޮތަށް މަޖިލިސް ހިންގަން ނޫޅުއްވާ ތަނުގައި އެބަލާލާއި ދަސްކުރާކަށް ވެސް ނޫޅުއް ވައެވެ. ރިޔާސަތުގައި އިންނަވައިގެން ހިތަށްއެރި އެއްޗެއް ހައްދަވަނީއެވެ. ގަވާއިދު މުގުރާލެއްވީއެވެ. އަސާސީ އަވަސް ކުރުމުގެ ބަހަނާގެ ދަށުން މިދިއްކުރަނީ، މުޅިން ވެސްއޮފުދާރު ނިވާފަތްގަނޑު ތަކެވެ. އައްޑަނަތަކެވެ. މިތަކެތިން ރައްޔިތުންގެ ގިނަ، ޙައްޤުތަކެއް މަތަކޮށް ނައްތާލަ އެވެ. އަދި، ވެރިކަމުގެ އަމިއްލަ އެދުމާއި ބާރު ވަރުގަދަ ކުރުމަށް ޗާންސް ހޯދާއިދީ ހިތްވަރު އާލާކޮށްދީ ވަރުގަދަ ކުރެއެވެ.

ފަހެ، ދަންނާށެވެ! އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް، އަސާސީ ތަޞްދީޤުކޮށް، ތައްގަނޑު ޖެއްސެވުމުގެ ހުއްދަދޭ މާއްދާކަމުގައިވާ އަސާސީގެ 102 ވަނަމާއްދާ އާއި އެއާ ގުޅުންހުރި ބައެއް މާއްދާތައް އިޞްލާޙުކުރުމަށް ހުށައެޅުނެވެ. އެހެނަސް ހެދިއެއްޗެއް ހެއްދެވީއެވެ. އެއްގޮތަކަށް ވެސް އެފުރުސަތެއް ނުދެއްވިއެވެ. 30/11 (ތިރީސްއެގާރަ) އަށް (30 ނޮވެންބަރ 2007މ.) އަސާސީނިންމުމަށް އަޅަންޖެހޭ ކުއްލި ފިޔަވަޅެއްގެ ގޮތުގައި، ރައީސްޤާސިމުގެ ލަފާގެ މަތިން ނަގާ ކޮޅަށް ޖެއްސެވި، އިދާރީ ކޮމެޓީގެ ތެރެއިން ނެގުނު، ކުޑަކޮމެޓީން ވަނީ، އަޖައިބެއް ފަދަ، ލަފާފުޅުތަކެއް އޭނާއަށް އަރުވާފައެވެ. މިކަމާހެދި އެހެންކަމަކަށް ވަގުތުދީ ގެނެއް ނުވިއެވެ. މެންބަރުންގެ އިހުސާސް ތަކުގައި ކޮޅުފައިން ޖައްސަވަނީ އެވެ. ޚުދުމުޚްތާރު މުޠްލަޤް ހުކުމްތައް ނެރެ، މެންބަރުންގެ ކަރުގައި ހިއްޕަވަނީއެވެ. އަވަސް ކުރުމުގެ ބޭނުމުގައި ގަވާއިދު މުގުރާލާއި ފުނޑު ފުނޑުކޮށް ލެއްވީއެވެ. ގަވާއިދުގެ މުހިންމު މާއްދާތަކަށް އަވަސްކުރުމުގެ ބަހަނާގައި ބޮޑެތި ބަދަލުތައް ގެންނެވީއެވެ. ތިންހަފްތާތެރޭގައި އެތައްދުވަހެއް ނަގާލިއިރު، މިމާއްދާ ތަކުގެ ބަހުސް އެޖެންޑާ ކުރެއްވިތަނެއް ނުފެނެއެވެ. ފަހެ، މިއީވެސް މެންބަރުން ތަކެއްގެ އިހްސާސް ނޫންތޯއެވެ!!! މިހާރުއެމަސައްކަތް ވީހިސާބެއްވެސް ނޭގެއެވެ. ގަނޑުވަރުގެ ނުފޫޒުން ހިފޭއްޓިފައެވެ. މިވާހަކަ ތަޅުމުގައި އެތައްފަހަރަކު މަތިން އަޅުގަނޑުގޮވީމެވެ. ވީކަންފުޅެއްނެތެވެ. އަޑުއެހިފަރާތެއް ނެތެވެ. މަޖިލީހުގެ ޤަވާޢިދާއި އަސާސީއަށް ބަލައިލުމެއްނެތި، ރައީސްޤާސިމުގެ އިސްތިބްދާދީ ހަމަތަކުގެ މަތިން، އަމިއްލަޝަޚްޞީ ގޮތްތަކަކަށް ޖަލްސާ، ގެންގޮސް ހުރިހާކަމެއް ނިންމާ ލެއްވީއެވެ. ވަރަށް ޚުދުމުޚްތާރު ގޮތަކަށެވެ. ޤަވާޢިދަށް ޙުރުމަތްތެރިކޮށް ނުހިތްތަވަ އެވެ. ދިވެހިރައްޔިތުންގެ ބޮޑުމަޖިލީހަށް، ރައްޔިތުންގެ ބާރު ދީފައިވަނީ، މިގޮތަށް މުޠްލަޤުބާރުން އަސާސީއެއް ލިޔެއުފެއްދުމަކަށް ނޫނެވެ. އަސާސީއާއި ބޮޑުމަޖިލީހުގެ ގަވާއިދާ އެއްގޮތަށް އޮމާންކޮށް، ގެންގޮސް ރައްޔިތުން ރުހޭ ޒާތުގެ އަސާސީއެއް ލިޔެދިނުމަށެވެ. ރައްޔިތުންގެ އިހްސާސްތަކަށް ފިނިކަމެއް ލިއްބައިދޭނެ އަސާސީއެއް ގެނެސްދިނު މަށެވެ. ވަކިމުއްދަތަކަށް ބަލައިގެން ކުރުގަޅުވާލާކަށް ނޫނެވެ. އަމިއްލަ ނުފޫޒާއި ބާރުގައި ކަންތައްތައް ކުރައްވާކަށެއް ނޫނެވެ. ރައީސް މައުމޫނު އަންގަވާގޮތަށް ކަންތައް ކުރައްވާކަށް ނޫނެވެ. ފަހެ، 6 މަސް ދުވަހުން، އެއްއަހަރުދުވަހުން އަސާސީއެއްލިޔެ ބޭނުންކުރަންފެށި ރަށްތަކަށް، އެޤައުމު ތަކުގެ ރައްޔިތުން އަސާސީހެދުމުގެ ބާރު ދޫކޮށްލީ، އެމީހުންނަށް ގަބޫލުކުރެވޭ ހަރުދަނާ، މަދުމީސްކޮޅެއްގެ އަތްމައްޗަށެވެ. މިއީ އެގައުމު ތަކުގައި އެކަން ކުރިގޮތެވެ. އަވަސްވީ އެހެންވެގެންނެވެ. އެހެނަސް އަޅުގަނޑުމެންގެ އަސާސީ ބުނަނީ، ޤާނޫނީޢަދަދެއް ކަނޑައެޅިފައިނެތް 113 ބޭކަލުންގެ މާސިންގާ ބިޔަޖަމާޢަތަކަށް މިމަސައްކަތް ދޫކޮށްލައިގެން ވަރަށް މިނިވަންކަމާ އެކު، މިމަސައްކަތް ކުރުމަށެވެ. ފަހެ، މިއީ ވަރަށް ތަފާތު ދެ ގޮތެވެ. އަޅުގަނޑުމެންގެ ބޮޑު މަޖިލިސް މިއޮތީ، ރައީސް މައުމޫނު ބޭނުން ފުޅު ވެލައްވާ ހިނދެއްގައި އެމަޖިލީހުގެ ގާނޫނީ އަދަދާވެސް ކުޅެލެއްވޭ ގޮތަށް ހުޅުވިފައެވެ. މި މަޖިލީހުގެ ގާނޫނީ އަދަދަކީ، އަރަތެއް ކަހަލަ ކަމެކެވެ. މިއީ އަދި މިކަން އޮތްގޮތެވެ. ކުރާނެ ކަމެއް ނެތެވެ!! ދިވެހީން ފެށުނީއްސުރެ ދިވެހިއިސްލާމީ ދައުލަތުގެ ދުސްތޫރު ހެދުމަށާއި އެއަށް ބަދަލު ގެނައުމަށް ދީފައިވާބާރަކީ، ވަރަށްތަނަވަސް އަގުލަބިއްޔަތަކާއި، ވަރުގަދަމަޝްވަރާ ތަކަކާއެކު، ދީފައިވާ ބާރެކެވެ. ރައްޔިތުންގެ ބައިވެރިވުން ވަރަށްބޮޑު ބާރެކެވެ. އެންމެ ކުރީއްސުރެ ވެސް ދިވެހިން އަސާސީ ލިޔެމުން އައީ، ވަރަށް މިނިވަން ޖައްވެއްގައި ގިނަ ބަޔަކު ތިބެގެން ފުޅާ ދާއިރާއެއްގައި މަޝަވަރާ ކުރެވިގެންނެވެ. ބޭރުބައެއްގެ ނުވަތަ އެހެން ބައެއްގެ ނުފޫޒު ހިނގާގޮތަށް ވަކި ބަޔަކު ތިބެގެނެއް ނޫނެވެ. ކުޑަވަރެއްގެ ކޮމެޓީއަކުން ނޫނެވެ. އަދި މަދު މީސްކޮޅެއްގެ ތަޖުރިބާކާރު ޓީމަކުން، ނުވަތަ ބިދޭސީ ކޮމެޓީއަކުން ވެސް ނޫނެވެ. މިހެންމިކަން ކުރަން، މިޖެހެނީ، ވެރިކަމުގެ ފަރާތުންނާއި އެހެންއަމިއްލަ ނުފޫޒުވެރި ވަރުގަދަ ފަރާތްތަކުގެ ނުފޫޒުން އަސާސީ ތޯހިރު ކުރުމަށް ޓަކައެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ސިޔާދަތާއި އަމިއްލަ ވަންތަކަން ދެމެހެއްޓުމަށް ދިވެހިކާބަފައިން ދެއްވާފައިވާ ވަރަށް މިނިވަން އަދި ފުޅާދާއިރާއެކެވެ. މިކަން ދެމެހެއްޓުމަކީ، އަދުގެ ދަރިންގެ މުހިންމު ޒިންމާއެއްކަން ހަދާނުގައި ހުންނަންޖެހޭނެއެވެ. މިކަން ކޮށްފައިމިވަނީ، ވިޔަފާރި ވެރި ސައުދާގަރުންގެ ބާރުން މިނިވަން ކުރުމަށެވެ. ބޭރުގެ ނުފޫޒުން ސަލާމަތް ކުރުމަށެވެ. ފަހެ، އަސާސީއަކީ ސާފު ޠޯހިރު އަގީދާގެ މައްޗަށް ބިނާކުރެވިފައި އޮތް، ދުސްތޫރަކަށް ހެދުމަށާއި ރައްޔިތުންގެ ބާރު ވީހާފުރިހަމަ ކޮށް ރައްޔިތުންނަށް އަބަދުވެސް ދޫކޮށްލާފައި ބޭއްވުމުގެ ބޭނުމުގަ އެވެ. އަޅުގަނޑު މެންނަކީ، ސާފު އަގީދާއެއް އޮތް، ވަރުގަދަ ރޫހާނިއްޔަތެއް އޮތް ސާފު ފިތުރަތެއްގެ ބައެކެވެ. އާދެ! އެމެރިކާމީހުން، ޢިރާޤަށާއި އަފްޣާނިސްތާނަށް، ހަދައިދިން ގޮނޑިކޮއްކޮ އަސާސީ ހެދިގޮތް، އަޅުގަނޑުމެން ބަލާކަށް ނުޖެހެއެވެ. ކޮޕީކުރާކަށް ނުޖެހެއެވެ. އަދި އެމެރިކާމީހުން އަމިއްލައަށް އެމީހުންގެ މުޖްތަމަޢަށް ފެތޭގޮތަށް ހިޔޮވަރުކޮށް، އިޚްތިޔާރުކުރި އަސާސީ، އުފެއްދި ގޮތަށް ބަލައިގެން ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ އަސާސީ ހަދާކަށް ނުޖެހެއެވެ. އަދި، އެކަން އެގޮތަށް، އެބީދައަށް ކުރަން އުޅޭކަށް ވެސް ނުޖެހެއެވެ. އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑު މެންނަށް ވާރުތަކޮށް ދީފައިވާ ދުސްތޫރީ އޮނިގަނޑަށެވެ. އެބާރަށެވެ. އެދުވަހުއޮތް އެސިޔާދަތު ދެމެހެއްޓުމަށެވެ. އަލުގަނޑު މެންގެ އަމިއްލަވަންތަ އަސާސީއެއް ލިބިގަތުމަށެވެ. އަޅުގަނޑުމެން، ފުރޮޅެންއޮތްހާ ގާކޮޅެއްފުރޮޅާއި، ކުރެވެންއޮތް އެންމެފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގެންނޫނީ، އަސާސީގެ އެންމެމާއްދާއެއް ވެސް ފާސްކޮށްގެނެއް ނުވާނެއެވެ. ފަހެ، މިއީ ދިވެހި ރައްޔިތުން، އެމީހުންގެ މަންދޫބުންނަށް، އަސާސީ ފަރުމާކޮށް، ހެދުމަށް ދީފައިއޮތްބާރު އޮތްގޮތެވެ. މިގޮތް ބަދަލުކުރަން އުޅެގެން ނުވާނެއެވެ. ރައްޔިތުން ހެޔޮހިތުން ދީފައިވާ، އެބާރަށް ޢިއްޒަތްތެރި މެމްބަރުން އިޙްތިރާމްކުރަން ޖެހޭނެއެވެ. ރައީސް ގާސިމުވެސް އިހްތިރާމް ކުރަށްވަން ޖެހޭނެއެވެ. ގަނޑުވަރުން ވެސް އިޙްތިރާމް ކުރަންޖެހޭނެ އެވެ. ކޮޅުފައިން ޖައްސަވައިގެން ނުވާނެއެވެ. ކުރީގެކާބަފައިން މިކަން ކުރެއްވި ގޮތް، ހަދާންކުރަން ޖެހޭނެއެވެ.

ފަހެ، ދަންނާށެވެ! ޖާދޫދެއްކުމުގެ ގޮތުން، މުއްދަތުތަކެއް ކަނޑައަޅާއި އިރުއިރަށް ޤަވާޢިދަށް ބަދަލުގެނައުމަށް ވިސްނުމަކީ، އެރޫޙަށް އަމިއްލަގޮތްތަކެއް އިތުރުކޮށްވައްދާއި އިތުރު ސިފަ ތަކަކާއި ކުލަތަކެއް ޖެއްސުމެވެ. އަމިއްލަ އެދުންތައް ވެއްދުމެވެ. ވެރިކަމުގެ ބާރަށް އަސާސީ ތެރެއަށް ވަނުމަށް ދޮރުތަކެއް، ހުލުވާލަ ދިނުމެވެ. ފަހެ، ދުސްތޫރު އެކުލަވާލުމަށް ރައްޔިތުންދީފައިވާ ބާރުގެދަށުން، އަސާސީގެ މާއްދާއަކަށް، ނުވަތަ ބާބަކަށް ބަދަލުގެނައުމުގެ މަސައްކަތް، ތަޅުމަށް ނުގެނެސް ނުވަތަ ގެނައުން ލަސްކޮށް، އެކިއެކި ނިވާފަތް ގަނޑުތައް އީޖާދުކޮށް، ދިގުބަހުސްތަކަށް ދޮރާށި ހުޅުވާލަދެނީ، ވެރިކަމުގެ ފަރާތުން އެކަމަށް ނުފޫޒު ހިންގުމަށެވެ. އަސާސި ލަސްކުރުމަށެވެ. މިސާލަކަށް އެންމެފަހުން ރައްޔިތުންނަށް ދައްކާފައިވާ ނިވާފަތްގަނޑަށް، ވިސްނާލައްވާށެވެ. ތިންޕަސެންޓުގެ ޓެކްސެއް، ރައްޔިތުންނަށް ރީތި ދަޅައެއްގޮތުގައި ދައްކާފައި 55 އަހަރަށް، 75 އަހަރަށް، 99 އަހަރަށް ނުވަތަ މުޅިޢުމުރަށް، ފަޅުރަށްތައް މަދު ވިޔަފާރި ވެރިންތަކެއް މިލްކުކޮއްލަންވީ އެވެ. މަކަރާއި ހީލަތުން އެގާނޫނަށް މިބަދަލު ގެންނަންވީ އެވެ. ފަހެ، ރިސޯޓުތައް ހަދާފައިވާ ރަށްތަކަކީ، ދިވެހި ރައްޔިތުންގެ އެންމެސާފު އަދިތޯހިރު އެސެޓާއި މުދަލެވެ. ރާއްޖޭގެ ފަޅުރަށް ތަކާއި ފަޅުތަކާއި ގިރިތަކާއި ކަނޑުއަޑިޔާއި ޖައްވުގެ ހައްގު ވެރިފަރާތަކީ، ދިވެހި އެންމެހާ ރައްޔިތުންނެވެ. އެއީ ދިވެހިންގެ އެންމެ ހައްގުކަންބޮޑު މުދަލެވެ. އެހެން އޮތްކަމެއް، ވަކިފަރުދުން ތަކެއްގެ އަމިއްލަ ޢާއިލީފައިދާ ތަކަށް، ތިންޕަސެންޓުގެ ދަޅާގައި، މިކަންތައްވެސް ފާސްކޮށްލާ ނިންމާލަދޭން ވީތޯއެވެ؟ ރައްޔިތުންނަށް އިޚްލާޞްތެރި ވުމަކީ، މިއީތޯއެވެ؟ ހަޤީޤަތުގައި މިއީ އެންމެހާ ރައްޔިތުންގެ ކުރިއެރުމަށް ހުރަސްއަޅާއި ރައްޔިތުންގެ މިލްކިއްޔާތުން، އަމިއްލަނާޖާއިޒު ފައިދާތައް ވަކިބަޔަކަށް ލިބިގަތުމަށް ރާވާނުލަފާ ރޭވުންތަކެވެ. މިފަދަ ކަންތަކަކީ، ރައްޔިތުން ކެރިގެން ނުކުމެ ދެކޮޅުހަދަން ޖެހޭނެ ކަންތަކެވެ. ހިތުންނާއި ޢަމަލުން ނުރުހުންފާޅު ކުރަންޖެހޭ ކަންތަކެވެ. އަޅާނުލާ ތިބެގެން ވާކަށް ނެތެވެ. ކެރޭށެވެ. ރައްޔިތުންގެ އަޑުއުފުލާށެވެ. ވެރިކަމުގެ ފަރާތުން އަޅަމުން، މިގެންދާ ފިޔަވަޅުތަކާ މެދު ހޭއަރާ ތިބެން ވެއްޖެއެވެ. އެފަދަ ކަންތަކާ ދެކޮޅަށް، ތެދުވަން ވެއްޖެއެވެ. ހަދާ ނުހަދާއެއް ދަނެގަންނަން ވެއްޖެއެވެ.

އާދެ! ބޮޑުމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ކޮނޑުފުޅުގައި ރައްޔިތުން އަޅުވާފައިވާ ބުރަމަސްއޫލިއްޔަތުގެ ޒިންމާ ފުރިހަމަގޮތުގައި އުފުއްލެވުމަކީ، ރައީސް މައުމޫނަށް އިޚްލާޞްތެރި ވުމަށް، އަދިއޭނާ ހަވާލުކުރާ ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުމަށް ﷲ ގަންދީ ހުވާކުރައް ވައިގެން އެބުރަ އުފުލުމަށް، ފޫގަޅައިގެން ތިއްބެވި، ވަޒީރުންގެ އަވާގައި ނުޖެހި، ރައްޔިތުންގެ ބާރެއްގެ ގޮތުގައި، ތެދުވެރިކަން މަތީގައި ކޮށްގެން ތިއްބެވި ހަވަޔާއެއް ގޮތުގެ މަތިން ސާބިތުވެ ތިއްބެވުމެވެ. ރައްޔިތުންގެ ހައްގުގައި އިޚްލާސްތެރި ކަމާއި މިނިވަން ކަމާއެކު، ވަކާލާތު ކުރެއްވުމެވެ. ހައްގު ބަސް ބުނުމެވެ. ހައްގު ގޮތުގައި ސާބިތުވެ ތިބުމެވެ. ރަޔާސަތަށް ބިރުނުގަތުމެވެ. ފަހެ، މުޅިޤައުމުގެ މުސްތަޤްބަލާއި ކުރިޔަށްއޮތް ދިވެހި ޖީލުތަކުގެ ވިންދާއި ގުޅިފައިވާ ކަމެއްގެ ތެރެއަށް، އެކިކަހަލަ އެކިޒާތުގެ ރޭވުންތައް ރާވައިގެން ވެއްދުމަކީ، ކުރިޔަށްއޮތް ދިވެހިޖީލަށް، ބޭވަފާތެރިވުމެވެ. ޚިޔާނަތްތެރި ވުމެވެ. ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ބާރު ލިބިގަނެ، އެބާރުކޮނޑުއަޅައި ގެން، ތިއްބެވި މެމްބަރުންގެ އަމާޒަކަށް ވާންޖެހޭނީ، މިހާރުމިއޮތް ޖީލަށްވުރެ ހުރިހާގޮތަކުން ދުޅަހެޔޮ، ހަރުދަނާ ސިއްހަތެއްގެ މޮޅު ޖީލެއް އުފައްދައި ނެރެދިނުމެވެ. މިހާރަށް ވުރެ، ރަނގަޅު މާދަމައެއް ނެރެ ދެއްކުމެވެ. މިހާރަށް ވުރެ ރަނގަޅު ވެއްޓެއް މާދަމާއަށް ތައްޔާރު ކޮށް ދިނުމެވެ. މިހާރު މިއޮތް ޖީލަށް ވުރެ، ހުރިހާ ގޮތަކުން އަމާންކަމާއި ފާގަތިކަމާއި މިނިވަން ކަމުގެ ދިރިއުޅުމެއްގައި އުޅޭނެ ސުލްހަވެރި ޖީލެއް ތައްޔާރު ކުރުމެވެ. ފަހެ، މިކަން ކުރެވޭނީ، އެކިއެކި ނުފޫޒު ތަކުންނާއި، ނިވާފަތްގަނޑު ތަކުން އެއްކިބާވެގެންވާ ތަހުޒީބީ، ދުސްތޫރެއް މާދަމައިގެ ދިވެހިދަރީންނަށް ހަދައިދެވިގެން ނެވެ. އެހެން ނޫނީ އަޅުގަނޑުމެން ވެގެންދާނީ ގައުމު ހަލާކު ކުރިބަޔަކަށެވެ. އަޅުގަނޑު މެންގެ ދަރީންނަށް ރަނގަޅު ކަމެއް ނުކޮށްދެވުނު ބަޔަކަށެވެ. އަމާން ސުލްހަވެރި މުސްތަގުބަލެއް އެދަރީންނަށް ހޯދައި ނުދެވުނު ބަޔަކަށެވެ. ފަހެ، މުސްތަގުބަލެއްގެ ފިކުރެއް ނެތި ދިރިއުޅުން ވީރާނާ ކޮށްލި ބަޔަކަށެވެ. އެކަމާހެދި، ފަހުން އަންނަ ޖީލުތަކުން މަލާމާތްކޮށް ފުރައްސާރަ ކުރާނެ ބަޔަކަށެވެ.

އާދެ! ދެކެދެނެތިބެ ދަންނާށެވެ! ބޮޑުމަޖިލީހުގެ 161 ވަނަޖަލްސާ، ރައީސްޤާސިމު ނިންމާލެއްވީ، ހިތާމައިން ފިރިގެންވާ، އަސަރުން ގިސްލެވިފައިވާ ގޮތަކަށެވެ. ގައުމަށް ހެޔޮއެދޭ ބަޔަކު ރޮއްވާލާފައެވެ. ފަހެ، ދިވެހި ގައުމުގެ ކުރިމަގު ހިތުތެރޭގައި އޮތްމީހަކު ވިއްޔާ ރޮވޭނެއެވެ. ލޮލުން ކަރުނަ އަންނާނެއެވެ. ކަންތައްތައް މިދަނީ، ފަހަތުގައި ދެމިގެންދާނެ ރައްޔިތެއް އޮތްކަން ހަދާން ނެތިކޮށްލާފައެވެ. ގައުމެއްކަން ހަދާން ނެތިކޮށް ލާފައެވެ. ރައްޔިތުންގެ ބާރަށް، ރައްޔިތުންގެ ކުރިމަތީގައި ގޮންޖައްސަވާފަ އެވެ. ފުރައްސާރަ ކުރައްވާފަ އެވެ. މަލާމާތް ކުރަށްވާފަ އެވެ. ރައްޔިތުންގެ ފަރާތުން ބަހެއް އިއްވާލުމުގެ ފުރުސަތެއް ނުދެއްވަ އެވެ. އެޖެންޑާގައި ހުށަހެޅިފައިވާ 29 މެމްބަރުން އުނިކުރުމުގެ މައްސަލާގައި ސޮއިކޮށްފައިވަނީ، ގއ.ގެ ޢިއްޒަތްތެރި މެމްބަރު ޢަދުނާނުޙަލީމު އެކަންޏެއްނޫ ނެވެ. އިތުރަށް އަޅުގަނޑާއެކު، ނުވަ މީހެއްގެ ސޮއި އޮންނާނެއެވެ. ޖަލްސާގައި ހާޒިރުވެ އެމީހުން އެބަތިއްބެވެ. ފަހެ، 10 ޢިއްޒަތްތެރި މެމްބަރުންގެ ސޮއިން ހުށަހެޅިފައިވާ މައްސަލައެއް އޭގެތެރެއިން އެންމެ މެންބަރެއް ޙާޒިރުވެނެތި ގެންނޭ ވިދާޅުވެ، ޖަލްސާ ހުއްޓާލެއް ވުމަކީ، ރައީސްޤާސިމުގެ އިސްތިބްދާދީބާރުން ރައްޔިތުންނަށް ކުރެއްވި ފުރައްސާރަކަން ބޮޑު، ހުތުރު ޢަމަލެކެވެ. ނުވަތަ ރޭގަނޑެއްގެ އަދިރީގައި ރޭވިފައިވާ ބޮޑުރޭވުމެއްގެ ދަށުން ހިންގުނު، މުޖުރިމާނާ މުއާމަރާ އެކެވެ. ސާފު ޖުރުމެކެވެ. މިޖަލްސާ އޮތްދުވަހުގެ ކުރީރޭ އަދުނާނު ހަލީމާއެކު ގާސިމު ދިރިއުޅުއްވާ އަމިއްލަގޭގައި ބައްދަލުކުރެއްވި ވާހަކައާއި އިތުރު މުއާމަލާތައް ހިންގިކަންވަނީ، ތުންތުންމަތިން އިވިފައެވެ. ޖައްސާގައި އަދުނާނު އިންނަވާފައި މައްސަލަ ހުޅަހަޅުއްވަން ވަގުތުޖެހުމާއެކު، ފާޚާނާއަކަށް ވަޑައިގަންނަވަން އިޝާރާތް ކުރެއްވުމަށް ފަހު، ކުއްލިއަކަށް ބޭރަށް ނުކުންނެވީއެވެ. އަދުނާނު ޖަލްސާދޫކޮށް ވަޑައިގަތީއެވެ. ދަނޑިވަޅާއި ވަގުތުބައްލަވާފައި ގާސިމު ހެއްދެވި ގޮތަކީ، މައްސަލަ ހުޅަހެޅުއްވި ބޭފުޅާ ޖައްސާގައި ނެތުމުން މައްސަލަ ބާތިލުކުރައްވައި އެދުވަހުގެ ޖަލްސާހުއްޓާ ލެއްވީއެވެ. ފަހެ، މިއީ ރިޔާސީ ގަނޑުވަރުން ރައީސް މައުމޫނާއި، ރައީސްޤާސިމާއި، ޑީއާރުޕީ ތެރެއިން މަޝްވަރާ ކުރެވިގެން ތަންފީޒު ކުރެވުނު ކަމެކެވެ. މައްސަލަ ހުށަހެޅުއްވި އެއްމެންބަރު އެހިނދު ހާޒިރުވެ ނެތުމީ، ކުރިޔަށްއޮތް ޕާލިމެންޓްރީ އިންތިޚާބުގައި ރައީސްޤާސިމުގެ ފަރާތްޕުޅުން، އެ ޢިއްޒަތްތެރި މެމްބަރު ހޮވައިދިނުމުގެ ވަޢުދެއްނަމަ، ހުރިޙާލުގެ ބޮޑު ކަމާއި ދެރަކަމާއެވެ! އަދި ކުރިޔަށް ރައީސް ގާސިމުގެ ވިސްނުމުގައި އޮތް ސިޔާސީ ކަންތައްގަނޑުގައި އެކުވެރިއަކަށް ހައްދަވާނެ ކަމުގެ ޔަގީންކަމެއް ދެވިފައިވާނަމަ، ހުރިދެރަ ކަމާއެވެ! އަދި ކުރިޔަށް ރައީސް ޤާސިމުގެ ހުވަފެނުގައި އޮތްކެބިނެޓުގެ ގޮނޑިއެއްގެ ވަޢުދެއްނަމަ، ހުރި ހާސްކަމާއި ހަޑިމުޑުދާރު ކަމާއި ބިރުވެރިކަމާއެވެ! ހަމަކަށަވަރުން، ﷲ މިހުރިހާކަމެއް ޙައްޤުގޮތުގައި ދެނެވޮޑި ގަންނަވާނެކަން ކަށަވަރެވެ! ހަމަ ގައިމުވެސް އެފަރާތަށް އޮޅުވައެއް ނުލެވޭނެ އެވެ. ފަހެ، ﷲގެ ކޯފާއިން ސަލާމަތްވެ، ރެކިގަނެވޭނެ އެއްވެސް އިންސާނަކު، މިއުޑުދަށުގައި ނުވާނެކަން ޔަގީނެވެ!! ކޮންމެނުބައި ރޭވުމަކީ، ދުނިޔޭގެ ލޯތަކަށް ފޮރުވިފައިވާ ކަމެކެވެ. އަދި، އަޒަލުގައި ލިޔެވި، އޭގެ ބަދަލު ކޮންމެވެސް ގޮތަކުން ދެއްވާނެ އަނިޔާއެކެވެ. މިކަހަލަ ނަތީޖާތައް ފެންނާނީ ފަހުންނެވެ. ވަޒަން ކުރެވޭނީ، އެދެބޭފުޅުންގެ މުސްތަގުބަލުގައި ސިޔާސީ ކަންތައް މެދުވެރިވާ ގޮތުންނެވެ. އެކަން ދިރާސާކޮށް ދެނެގަންނާނީ ފަހުތިބީންނެވެ. އެއްބަޔަކު ހެވިފައި ތިއްބަވާތަން ފެންނައިރު، އަނެއް ބައެއްގެ ހިތުގެވިންދާއި އިޙްސާސްތަކުން ފުރިގެންވާ ދުޢާތައް އެއްވެސް ހުރަހެއްނެތި، އިޖާބައަށް ހަށަހެޅި، ﷲ އަށް، ރައްދުވާނެ އެވެ. އެންމެމޮޅަށް ދެނެވޮޑިގެންވަނީ، ﷲ އެވެ. އަޅަމެން އެންމެންގެ ފައިދާއާ ދެކޮޅަށް ރޭވިގެން ކުރެވޭ ޢުދުވާނުތައް ބޭޒާރު ކުރައްވާށި އެވެ! އަދި ކާމިޔާބަށް ވާސިލުވިޔަ ނުދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page