މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ އެވޯޑް ދިނީ، ރެލިޖަސްފްރީޑޮމް ހޯދުމުގެ ބޭނުމުގައެވެ.
- ilyashusein
- Oct 30, 2009
- 8 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: ޖޫން 2009 ގައި.)
އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދެކެދެނެތިބެ ދަންނާށެވެ! މުސްލިމުންނާ ޒާތީގޮތުންނާއި ރޫޙީގޮތުން އެންމެދެކޮޅުވެރި، ޔާހޫދީންނާއި ނަސާރާއިންގެ ފަސްގަނޑުން އިސްލާމުންނަށް، އިސްލާމުން ގެންގުޅެންވީ ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ތަމްސީލު ކުރުމަށް އަޑީގައި އެމެރިކާގެ ސަރުކާރު އޮވެގެން މުސްލިމް ޖަމާއަތެއް ލައްވާދެމުން ގެންދާ، “މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ” އެވޯޑް 2009 ލިބިގެން މިދިޔައީ، ދިވެހިރާއްޖޭގެ ދަރިއަކަށެވެ. ކުޅަދާނަ ޑިޕްލޮމޭޓަކަށެވެ. މީސްތަކުން ތެރޭގައި މަތީފަށަލަ ރީތިކޮށްގެން އުޅެންދަންނަ ފިލޯސަފަރަކަށެވެ. ކުރީގެ އަނިޔާވެރި ޚުދުމުޚްތާރު ސަރުކާރުގަޔާއި ރައްޔިތުން އިސްލާހީ ބަދަލަކަށް އެދި ވެރިކަމަށް ގެނައި ސަރުކާރުގައި ވެސް ޚާރިޖީވަޒީރަކަށް ހުންނެވުމުގެ ނަސީބުވެރިޔަކަށް ވެގެންދިޔަ، ޑޮކްޓަރ އަހްމަދު ޝަހީދަށެވެ. މިޝަޚްޞިއްޔަތުގެ މާޒީއާއި މިހާރުގެ ހާލަތު ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ދަނެއެވެ. އިތުރަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އަދި އިތުރަށް ލިޔާކަށްވެސް ނުޖެހޭނެއެވެ. ފުރިހަމަ ކުޅަދާނަ ޑިޕްލޮމޭޓުންނަކީ، ސަމްސަލުގެ ދައުރު ވަރަށް ފުރިހަމަކޮށް ހުރިހާތަނެއްގައި ވެސް އަދާކުރަން ދަންނާނެ ކުޅަދާނަ ބޭފުޅުންނެވެ. އެކަން ދިވެހިންގެ ހިތްތަކުގައި ފުށްވަޅު ނެގިފައި ހުންނާނެކަން ކަށަވަރެވެ. މިއަދު އެހެން ކުލައެއްގެ ޚާރިޖީ ފޭރާމެއްގައި ފެންނަން ހުންނެވިޔަސް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައި ހުރި، ތުނިޓިޝޫތަކުގެ ފަތްފުށްތަކުގައި އެހަދާންތައް ވަނީ، ކަނޑާނެގި އާވެއާވާގޮތަށް ތާއަބަދަށްޓަކާ ހަރުލާފައެވެ. ރެކޯޑް ކުރެވިފައެވެ. ކުރީގެ ޚުދުމުޚްތާރު ސަރުކާރުގައި ރައްޔިތުންގެ މައްޗަށް ފަސާދަ ހިންގުމުގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ ދެބަންޑާރަ ނައިބުންކަމުގައިވާ ޑޮކްޓަރ މުހަންމަދު މުނައްވަރާއި ޑޮކްޓަރ ހަސަންސައީދާއި މިހާރުގެ ސަރުކާރުގެ ޚާއްސަ މުޝީރު އޮނަރަބްލް އިބްރާހީމް ހުސައިންޒަކީ މެން ފަދައިން، ޑޮކްޓަރ ޝަހީދަކީވެސް ރައީސް މައުމޫނު ވަރަށް ފާޅުގައި ރައްޔިތުންގެ މައްޗަށް ހިންގެވި ފަސާދާއިގެ ތެރޭގައި އަމަލީގޮތުން ބައިވެރިވި އިސްބޭފުޅެކެވެ. އެފަސާދައިގެ ތެރެއަށް ފުންކޮށް ގެނބިފައިވާ މީހެކެވެ. ފަހެ، ދުނިޔެމަތީގައި ނަސީބުގަދަ މިބޭފުޅުންނަކީ، އެފަސާދައިގެ އެހީތެރިންނެވެ. އެފަސާދައަށް މަދަދުދިން ބޭފުޅުންނެވެ. ރައީސް މައުމޫނު ރައްޔިތުންނަސް ކުރި، އަނިޔާތަކުގެ ބައިވެރީންނެވެ. އޭރު ރައްޔިތުންނަށް ލިބުނު އަނިޔާގެ ބައިކުޅަބައި ބޮލުގައި އަޅުއްވަން ޖެހޭ ބޭފުޅުންނެވެ. އެއަނިޔާތަކުގެ، ހިއްސާދާރުންނެވެ. މިފަދަ ފަސާދަތައް ބެލުމަށް ރައީސް ނަޝީދު އުފެއްދެވި، ރިޔާސީ ކޮމިޝަނުން އެފަސާދަތައް ތަހުގީގު ކޮށް، ބެލުމުން ހައްގުފަޅާ އަރާނެއެވެ. މިހާރުގެ ސަރުކާރާއި ކުރީގެ ސަރުކާރު ތެރޭގައި ތިބި މުޖްރިމުންތައް ފަޅާއަރާނެއެވެ. ރައްޔިތުން މަޑުން ތިބެނީ، ރިޔާސީ ކޮމިޝަނަށް އަހަރެއްހާ ދުވަހުގެ މުހުލަތު ދީގެންނެވެ. ކޮމިޝަނުން ނަތީޖާއެއް ނުނެރެވިއްޖެ ނަމަ، ނިމުން ވަރަށް ހިތާމަވެރި ވާނެއެވެ. ރައްޔިތުން އަވަސް ހަރަކާތަށް އައުމަކީ، ވަރަށް ގާތްކަމެކެވެ. މައްސަލައަކީ، ރައީސް ނަޝީދުގެ ހިތްތިރިކަމެވެ. އަބަދުވެސް ވަގުތީ، މަސްލަހަތަށާއި އަފޫކުރުމަށް ބައްލަވާތީއެވެ. ފަހެމިހެން ވަނީ، ހުރިހާއެއްޗަކީ ވެސް، ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ކަމުގައި އިސްކުރެވޭތީ އެވެ. ގައުމީ މަސްލަހަތަށް ވުރެ، ބައިނަލް އަގުވާހީ ހަމަތަކާއި މުޢާހަދާތަކަށް އިސްކަން ދެވޭތީއެވެ. ޝައްކެތްނެތެވެ. މިކަމުގެ ފައިދާ، އެމަނިކުފާނަށް ހުރިހާގޮތަކުން ވެސް ކުރާނެއެވެ. ދުނިޔޭގެ ފެންވަރުގައި އެމަނިކުފާނުގެ އެމަސައްކަތްޕުޅު ތަކާއި އަމަލުފުޅުތައް ފާހަގަކުރާނެ ބައިނަލް އަގްވާމީ، ޖަމާޢަތްތަކާއި ޖަމުޢިއްޔާތައް ހުންނާނެއެވެ. އެފެންވަރުގައި ދެވެންހުރި ބައިނަލް އަގްވާމީ، އަދި ދުނެޔެވީ ސުލްހައިގެ އިނާމުތައް އެމަނިކުފާނަށް އެރުވޭނެ ދުވަހެއް އަންނާނެއެވެ. ދިވެހި ދަރިއަކަށް ލިބޭ މިފަދަކޮންމެ އިނާމަކުން، ދިވެހި ރައްޔިތުންނަށް ރީތިނަން ލިބޭނެއެވެ. މިއީ ޝައްކެއްއޮތް ކަމެއްނޫނެވެ. ފަހެ، ދަންނާށެވެ! ރައީސުލް ޖުމްހޫރިއްޔާއެއްގެ މިފަދަ އަފޫކުރެއްވުމާއި ދީލަތިވުމަކީ، ދައުލަތަށް ޚިޔާނާތްތެރި ވެފައިތިބި މީހުންނާ ދޭތެރޭގައި އިންސާފު ގެނެސްދެއްވުން ކަމުގައި ނުބަލާނެ ގިނަ ބަޔަކުތިބޭނެއެވެ. ކަންމިހެންއޮތަސް ހަގީގަތަކީ، އަދި ރައްޔިތުންގެ އެދުމަކީ، ކުރީސަރުކާރުގެ ފަސާދަތައް ތަހުގީގުކޮށް އިންސާފަށް ގެނެސްދިނުމެވެ. އެފަދަ މުޖްރިމުންނާ ދޭތެރޭގައި އިންސާފު ގައިމުކޮށް ދިނުމެވެ. އަވަހަށް ރިޔާސީ ކޮމިޝަނުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ފެށުމަށް ގޮވާލަމެވެ.
އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އަޅުގަނޑު ދަންނަވަންއޮތީ، ސިޔާސީ ސަބަބަކާހެދި ރައީސް ނަޝީދު މިފަދަ ބޭފުޅުން އަދި ގެންގުޅުއްވަނީއެވެ. މަޖްބޫރު ވެގެންނެވެ. އެހެނަސް މިފަދަ ބޭފުޅުންނަކީ، ރައްޔިތުންގެ ރުހުމާއި ލޯތްބާއި ހަމްދަރުދީ އެއްގޮތަކަށްވެސް މިލްކު ކުރެވޭނެ ބައެއްނޫނެވެ. ގިނައިން ހައްދަވާނީ ދޮގެވެ. އެމްޑީޕީ، ހިމާޔަތްކޮށްދިނީ ތިމަންނާއޭ، އަންނި ހައްޔްރުވިޔަނުދީ އެތައްފަހަރު މިނިވަންކޮށް ބެހެއްޓީ ތިމަންނާއޭ، މިވެނި ޝަރީޢަތެއް ހިފޭއްޓީ ތިމަންނާއޭ، ބުނެގޮވާނަގާނެ ދުވަސް އަންނާނެއެވެ. ސިޔާސީ މުހިންމު ސަބަކަށް މިކަހަލަ ކަންތައް ގަބޫލުކޮށްލައިގެން ހުންނާނެ ސިޔާސީ ލީޑަރަކު ހުރެދާނެއެވެ. އެހެނަސް މިއީ ދޮގުތަކެއްކަން، އޭރުފެނިފައި ހުރި، އަމަލުތަކުން އެނގެއެވެ. ފާޅުވެއެވެ. ފެންނާނެއެވެ. ފަހެ، އިންސާނާގެ މާޒީއަކީ، ތާރީޚުން ފޮހެލެވޭނެ ސޮފްހާތަކެއް ނޫނެވެ. އިޢާދަވާނެ އެއްޗެކެވެ. ގެއްލިއްޖެ އަބުރަކީ، އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ. އަދި ހޯދޭނެ އެއްޗެއްވެސް ނޫނެވެ. ބިކުރުގެ ދުލިފަށް ކަނޑައިގެން ދާނީ، އުމުރުން އެއްފަހަރުއެވެ. ޑޮކްޓަރ ޝަހީދުމެން ދެއަތް އުފުލައިގެން ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ ޖަނާޒާއަށް ކިޔެވެލި ކިޔެވި ހަދާންތައް ހަމަ އެކަކުވެސް ނުނެތޭނެއެވެ. އެހަދާންތައް ދިރިދިރި ހުންނާނެއެވެ. އެމްޑިޕީގެ ދަންމަރު ކަމުގައި ވެގެންދިޔަ ހަރުގެ ފުރަމެންދަމެއްގައި ބިމާހަމަކޮށް އެމްޑީޕީގެ އެންމެސާފު މިލްކިއްޔާތުތައް އެއްވެސް ބަދަލެއްނުދީ، ވެރިކޮށްލި ހާދިސާ ހަމައެކަކުވެސް ހަދާން ނެތޭނެތޯއެވެ؟ ޝައްކެއްނެތެވެ. ނުނެތޭނެއެވެ. ތިންސަތޭކަ އަށްވުރެ ގިނަ ޕްލާސްޓިކް ގޮނޑިޔާއި ފައިސާއިން ފުރިފައިހުރި ޚައިރާތުފޮށި ވީތަނެއް އަދިވެސް ނޭނގެއެވެ. އެތައް ދިވެހި ދަރީންނެއްގެ ހަށގަނޑާއި ފިރާނައަށް ދެއްކި، އަނިޔާތަކެވެ. ނަފްސާނީގޮތުން ދެއްކި އަހުވަތކެވެ. މިކަންތައްތައް ކޮބައިތޯއެވެ. ރައީސް މައުމޫނުގެ އޯޑަރަށް އެމްޑީޕީގެ ލީޑަރުގެ މައްޗަށް ފީކަރުދާސްކޮޅެއް ވަގަށް ނެގިކަމުގެ ކުށުގެ ތުހުމަތުގައި ބޮޑުރޭވުމެއްގެ ދަށުން، ދައުވާ އުފުލިމީހާވެސް ރީދޫލިބާހެއްގައި މިހާރު އެބައުޅުއްވައެވެ. ހިތްތިރިކަމުގެ ރީދޫސާލުން ޖަޑިބުހެދިގެން، އަމިއްލަފުޅު އެތައްކަމެއް ގެންދަވަނީ، ކާމިޔާބު ކުރައްވަމުން ނެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގެ ދައުވާހުށައަޅާ ފޯމް 1346 / 2001 ނަމްބަރު (04 ނޮވެމްބަރ 2001މ) ދުވަހު ޖިނާއީކޯޓަށް ހުށައަޅުއްވާއި އެފޯމުގައި ސޮއިކުރައްވާފައި ވަނީ، އޭރު އެއޮފީހުގެ ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސިކިއުޝަންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީއެވެ. މިފޯމުގައި ދައުވާ ކުރާފަރާތަކަށް އޮތީ ދައުލަތެވެ. ދައުވާލިބޭ ފަރާތަކަށް އޮތީ، މުހަންމަދު ނަޝީދު ގ. ކެނެރީގެ / މާލެ އެވެ. ދައުވާއަކަށް މާރިޔާ ލިޔުއްވާފައި އޮތީ، ސަރުކާރުގެ މުދަލުން ވައްކަންކުރުން، މިހެންނެވެ. (މީނާ، 07 އޮކްޓޯބަރ 2001 ދުވަހުގެ 10.30 ހާއިރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހ. ވެލާނާގޭގައި ނީލަން ކިޔުމަށްޓަކައި ބަހައްޓާފައި ހުރި ތަކެތި ބަލާލުމަށް ހ. ވެލަނާގެއަށް ވަދެ އުޅުމުގައި ނީލަން ކިޔުމަށް ބަހައްޓާފައިހުރި ތަކެތިހުރި ތަންތަންނޫން އެހެންތަންތަނަށް އެއްވެސް ފަރާތެއްގެ ހުއްދައަކާ ނުލާވަދެ އެތަންތަނުން ލިޔުންތަކާއި ތަކެތި ސަރުކާރުގެ ކަމާބެހޭ ފަރާތަށްނޭނގި ނަގައިގެން ގޮސްފައިވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި ގާނޫނުލް އުގޫބާތުގެ 143 ވަނަ މާއްދާގެ ދަށުން، މުހަންމަދު ނަޝީދުގެ މައްޗަށް ސަރުކާރުގެ މުދަލަކުން ވައްކަންކުރުމުގެ ކުށުގެ ދައުވާ.) ކަމުގައި ތަފްސީލު ދެއްވާފައި އޮތެވެ. އިތުރު ބަޔާނެއްގޮތުގައި ލިޔުއްވާފައި އޮތީ، މީނާ 29 އޮކްޓޯބަރ 2001 ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހަވާލުގައި ހުންނާނެއެވެ. މިގޮތަށެވެ. މިއީ އެކަމަނާގެ މޭސްތިރިކަމުގެ ދަށުން ރައީސް މައުމޫނަށް އެރުވި ވެދުމެކެވެ. ހަދިޔާއެކެވެ. ރައީސް މައުމޫނުގެ މާތްއަރިހަށް ކުއްތަންވުމަށް ކަތިލެއްވި ގުރުބާނީއެކެވެ. މިމާތް ގުރުބާނީގެ ފުރިހަމަ ބަދަލަކަށް ރައީސް މައުމޫނު، މާރިޔާއަށް، ހަދިޔާއަކަށް ދެއްވީ ރައްޔިތުން މަޖިލީހުގެ ގޮނޑިއެކެވެ. މިއީ ގަސްތުގައި ރާވާއިގެން ކުޅަ، ބޮޑުފަސާދަ އެކެވެ. ފަހެ، މިހުރީ މުޅި މިހަރަކާތަށްހުރި ނާކާމިޔާބުގެ އަލާމާތްތަކެވެ. ހުރަސްތަކެވެ. މިހުރަސްތައް ގިރާކުރެވޭނީ، މިހާރު އުފެދިފައިވާ ރިޔާސީ ކޮމިޝަން ހަގީގީ ހަރާކާތަށް ގެނެވިގެންނެވެ. އަވަހަށް ނަތީޖާ ފެނިގެންނެވެ. އެފްޕީއައިޑީގެ ޚިޔާނާތްތައް ބެލިގެންނެވެ. ތިނެއް ނޮވެންބަރުގެ ހަމަލާގެ އެންމެ އަޑިޔަށް ތަހުގީގު ކުރެވިގެންނެވެ. މިއީ މާރިޔާ އާއި ޒަކީއާ ސިދާގުޅުންހުރި ކަންތަކެވެ. އިސްލާމްދީނުގައި ބާރުއަޅުއްވާފައި ވަނީ، މިފަދަ ކަންތައް ބަލާއި އިންސާފު ކުރުމަށެވެ. ﷲގެ ބިމުން ފަސާދަ ނައްތާލުމަށެވެ.
އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! ﷲ އާއި ﷲގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަ ކުރުމަށް މަސައްކަތްކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ ސޮލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެމީހުންގެ އަތްފައި ބުރިކުރުމެވެ. އެއީ؛ ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ. ނުވަތަ ރަށުންބޭރުކޮށް ލުމެވެ. އެއީ އެމީހުންނަށް ދުނިޔޭގައިހުރި ނިކަމެތިކަމެވެ. ފަހެ، ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ!
އާދެ! މިހާރުގެ ޚާރިޖީވަޒީރު ޑޮކްޓަރ އަހްމަދު ޝަހީދު ދާދިފަހުން ފޮރިން މިނިސްޓްރީން ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވާ، ފާކިސްތާނަށް ހަމަޖެހިގެންދިޔަ އަންހެން ސަފީރާއެކު އެމެރިކާއަށް ދަތުރެއް ކުރެއްވިއެވެ. އަލްފާޟިލާ ޝެހެނާޒު އާދަމަކީ ރާއްޖޭގައި މޮޅަށް ކިޔަވައިގެން ހުންނެވި ޒުވާން، ހީވާގި ޑިޕްލޮމޭޓެކެވެ. މިދަތުރަކީ އަމިއްލަފުޅު ދަތުރެކެވެ. ދައުލަތުގެ ފައިސާއިން މިދަތުރު ކުރައްވައިގެން ނުވާނެއެވެ. ޑޮކްޓަރ ޝަހީދަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޔޫރަޕަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިގެން އެވާހަކަތައް ނޫސްތަކަށް ހާމަކުރެއްވި ބޭފުޅާއެވެ. ދައުލަތުގެ ފައިސާ ނަހަމަގޮތުގައި އިސްރާފުކުރެއްވި ކަމަށް ވިދާޅުވެއެވެ. މިފަހަރު މިކަމާ މިދިމާވީ އަމިއްލަފުޅަށެވެ. ދައުލަތުގެ ފައިސާއިން އަމިއްލަފުޅަށް ލިބިގަންނަ އެވޯޑެއްބަލާ އެމެރިކާއަށް ވަޑައިގަތީއެވެ. ފަހެ، މިދަތުރަކީ، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ގައިމުކުރެވިފައި ހުންނަ މުސްލިމު އަމިއްލަ ޖަމާއަތަކުން އަރުވާ، “މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ” އެވޯޑް ލިބިގަތުމަށް އަމިއްލަފުޅަށް ރަސްމީ އިއްޒަތުގައި ކުރެއްވި ދަތުރެކެވެ. މިރަސްމިއްޔާތު އޮތީ، 2009 މައި 5 ވީ އަންގާރަ ދުވަހުއެވެ. އެޖަމާއަތަކީ، “ސެންޓަރ ފޮ ދި ސްޓަޑީ އޮފް އިސްލާމް އެންޑް ޑިމޮކްރަސީ” (ސީ އެސް އައި ޑީ) އެވެ. މިއީ ނަންޕްރޮފިޓް އޯގަނައިޒޭޝަނެކެވެ. ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އިސްލާމުންގެ ތެރޭގައި ދިރުވާދެމެހެއްޓުމަށް ގަދައަޅާ މަސައްކަތްކުރާ ބައެކެވެ. މިޖަމާއަތްތަކާ ބޮޑަށް ގުޅުންއޮންނަނީ، ނިއޫމޯލްޑިވްސްގެ ބާނީންގެ ތެރެއިން ޑޮކްޓަރ ހަސަން ސައީދުގެ އެއްބަޑު އެއްބަފާބޭބެ ޕްރޮފެސަރ އަބްދުﷲ ސައީދާއެވެ. އޭނާއަކީ އެޖަމާއަތް ތަކުގެ ފަންގްޝަން ތަކުގައި އާންމުކޮށް ތަގުރީރު ދެއްވާ ވިޒިޓަރެކެވެ. މިއެވޯޑް ޑޮކްޓަރ ޝަހީދަށް އެރުވުނީ، ވޭތުވެދިޔަ 15 އަހަރު ފްރީޑޮމަށާއި ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މިމަސައްކަތްތަކުގެ ތެރޭގައި ރައީސް މައުމޫނުގެ ފަސާދަވެފައިވާ ދެފުށްދެގޮތް މޫނުމަތި ރީތިކުރެއްވުމަށް ދައުލަތުގެ ފައިސާ ޚަރަދު ކުރައްވައިގެން ގެންނެވި ބިދޭސީ ކުންފުންޏެއް ކަމުގައިވާ “ހިލްއެންޑްނޯލްޓަން” ގެ މީހުންނާއެކު ހިންގެވި ކަންތައްތައްވެސް ހިމެނެއެވެ. އަދި މިހާރުވެސް ފޮރިން މިނިސްޓްރީގެ ޚަރަދުގައި ޖެނީވާގައި ބަހައްޓައި ގެންއުޅޭ މިސްޓަރ މާކް ކުރައްވާ އަދި ހިންގާ މަސައްކަތްތައް ވެސް ގުނޭނެއެވެ. ޚާއްސަކޮށް މިބައިމީހުންގެ ފުރަތަމަ އިސްމަސައްކަތަކީ، މުސްލިމް ދުނިޔެއާއި އަރަބި ދުނިޔޭގައި “ރެލިޖަސް ފްރީޑޮމް” އާދެ! ދީންތަކަށް އުޅުމުގެ މިނިވަންކަން އިސްލާމީ އަދި އަރަބި ގައުމުތަކުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ފާޅުގަޔާއި ސިއްރުގައި މިފަދަ ޖަމާއަތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. އަޑީގައި ތިބެނީ އެމެރިކާގެ ބޮޑުންނެވެ. ޔަހޫދީންނާއި ނަސާރާއިންގެ ބޮޑުންނެވެ. ސީދާ ވައިޓް ހައުސްއާ ގުޅުން އޮވެއެވެ. އެމެރިކާ ސަރުކާރުގެ ތާއީދާއި އެއްބާރުލުން ލިބިގެން އެމެރިކާ ތެރޭގައި ދިރިއުޅޭ މުސްލިމުން، އަގީދާގެ ގޮތުން މިނިވަންކޮށް ބޭތިއްބުމުގައި މިޖަމާއަތްތަކުން ވަރަށް ބޮޑުރޯލެއް ކުޅެއެވެ. އަވަދިނެތި ރެޔާއިދުވާލު މަސައްކަތް ކުރެއެވެ. ވެރިކަން ކުރާ ފަރާތުން ދައުވަތުތައް ލިބި، އަދި ދައުވަތުތައް އެރުވެމުންދެއެވެ. އިސްރާއީލާއި ފަލަސްތީނަށް ދަތުރުތައް ކުރެއެވެ. އަރަބި ގައުމުތަކަށް ދަތުރުތައް ކުރެއެވެ. މިހާރު ވެރިޔަކަށް ހުންނެވި މިސްޓަރ ބަރަކް ހުސައިން އޮބާމާ އައި ސީދާގުޅުން އޮވެއެވެ.
އޭ! ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! މިފަދަ ޖަމާއަތްތަކާ، އަދި މިފަދަމީހުންގެ އެންމެއިސް ބޭނުމަކީ، މުސްލިމުންގެ އަގީދާ މިނިވަން ކުރުމެވެ. އެމީހުން އެސިފަކުރާ ދީނީ އަޅުވެތިކަން ނައްތާލުމެވެ. މުސްލިމުން މިނިވަން ކުރުމެވެ. ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުގެ ނަމުގައި ދީންތަކަށް އުޅުމުގެ މިނިވަންކަން “ރެލިޖަސް ފްރީޑޮމް” މުސްލިމް ގައުމުތަކުގާ، ގައިމުކޮށް ދިނުމެވެ. ގާނޫނު އަސާސީން އަގީދާ މިނިވަން ކުރުމެވެ. ބޭރުކުރުމެވެ. ދީން ހަމައެކަނި މިސްކިތްތަކުގެ ހުދޫދުތެރޭގައި ބޭއްވުމެވެ. އެމެރިކާ އުފައްދައި ބިނާކުރި ބާނީންގެ އަގީދާއަކީ، ދީންތަކަށް އުޅުމުގެ މިނިވަން ކަމަކީ، “މިނިވަން ކަމުގެ ފުރަތަމަ ފިޔަވަޅު” ކަމަށެވެ. ގައުމު ތަކުގައި ދީންތަކަށް އުޅުމުގެ މިނިވަންކަން ނެތިއްޖެނަމަ، މުޅި މިނވަންކަން މުލުންލުހި، ގެއްލުނީ ކަމަށެވެ. އެމީހުން ދެކޭގޮތުގައި އިންސާނުންނަށް އޭރުން އެތިބެވެނީ، ފާޑެއްގެ ދީނީއަޅުވެތި ކަމެއްގައި ބަނދެވިގެން ކަމަށެވެ. ފުރިހަމަކޮށް މިނިވަން ނުވެއެވެ. އިސްލާމުންގެ ތެރެއިން އެންމެމާތް ގަރުނުގައި ދިރިއުޅުއްވި ސަލަފުންނަށާއި ސާލިހުންނަށް ލޯބިކުރާ މީހުންގެ އަޅުވެތިކަމުގެ ދަށުވެފައި ކަމަށެވެ. ވަކިދީނީ ފިކުރެއްގެ ދަށުވެފައި ކަމަށެވެ. އާދެ! ސަލަފީ އަގީދާގެ ދަށުވެފައެވެ. އަޅުވެތި ވެފައެވެ. ސަލަފީންނަށް ވީއެވެ. ސުންނީންނަށް ވީއެވެ. ޖިހާދީންނަށް ވީއެވެ. މިހާރުގެ ސަރުކާރުން ސިފަކުރާ ގޮތުގައި ރާއްޖެއަށް ސަލަފީ އަގީދާ ގެނައީ، މިސުރުން ކިޔެވިބައެއް މީހުންނާއި ސައުދީ އަރަބިޔާއިން ކިޔަވައިގެން ރާއްޖެ އައިސްތިއްބެވި މީހުންނެވެ. ރައީސް މައުމޫނާއި ބާބުލްއަވާލީ އައްޝައިޚުލް މަރްހޫމް މަހަންމަދު އިބްރާހީމް (ބޮޑުޖަނާބު) ފަދަބޭފުޅުންނެވެ. މިސްރުގެ އަޒްހަރުން މީގެކުރިން ކިޔަވާވިދާޅު ވެގެން ވަޑައިގެން ތިއްބެވި އަލްމަރްހޫމް ސަލާހުއްދީނާއި މުހަންމަދު ޖަމީލުމެން ފަދަ އިލްމުވެރި ބޭފުޅުންނަކީ، ރާއްޖޭގައި ސޫފިއްޔަތު ދެމެހެއްޓެވި ބޭފުޅުންނެވެ. ރައީސް ނަޝީދު މިހާތަފްސީލުކޮށް ނޫންނަމަވެސް މިކަންހާމަކޮށް ދެއްވީ، ހުޅުމާލޭގައި ހުންނަ ބައިނަލްއަގްވާމީ ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވި ޖަލްސާގައި ތުރުކީ ވިލާތުގެ ވިޔަފާރިވެރިންގެ ބޮޑު ޖަމާއަތަކާ މުޚާތަބު ކުރައްވަމުން އެމީހުންގެ ތުރުކީ ވިލާތުގައި އޮންނަވައްތަރާއި ރާއްޖޭގައި ކުރީގައިއޮތް ވައްތަރު ހާމަކޮށްދެއްވައި މިދެވައްތަރުގައި ގުޅުމެއްވާކަން ހާމަކޮށް، އޮޅުންފިލުއްވައި ދެއްވަމުންނެވެ. ޑޮކްޓަރ ޝަހީދު “ފޯމަރ ގަވަރމެންޓް ޔޫސްޑް އިސްލާމް އޭސް އަ ޓޫލް” މިނަމުގައި މިނިވަން ނިއުސްއަށް ދެއްވި ބަސްދީ ގަތުމުގައި ވެސް މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، މިރާއްޖޭގައި ރައީސް މައުމޫނުގެ ކުރިން ޕްރެކްޓިސް ކޮށްފައިވަނީ، ސޫފީންގެ އާދަކާދަތައް ކަމަށެވެ. މިރާއްޖޭގެ ދީނީފިކުރު ސަލަފިއްޔަތަށް، އާދެ! ސަލަފީއަގީދާއަށް ބަދަލުކުރީ ކުރީގެ ސަރުކާރުކަމަށް ވިދާޅުވެފައި ވެއެވެ. އަދި ހުރިހާކަމެއްގައި ދީންބޭނުން ކުރައްވަން ފެއްޓެވީ ކުރީސަރުކާރުން ކަމަށް ޝަހީދު އެއިންޓަރވިއޫގައި ސާފުބަހުން ވިދާޅުވެފައި ވެއެވެ. މިއީ މިޒަމާނުގައި އެމެރިކާއިން އިސްނަގައި ގެން، ގެންގުޅޭން ފެށި ފިކުރެކެވެ. އިސްލާމުންގެ އަގީދާ ފާސިދުކުރުމަށް ހުރިހާ އަގީދާތައް އެއްހަމައަކަށް ގެނައުމަށް މިސްޓަރ އޮބާމާ މުޅިން އާރޫހެއްގައި އިސްނަންގަވާފައިވާ ފިކުރީ ވިސްނުމެކެވެ. ހަގީގަތުގައި މުސްލިމުންނާ ދެކޮޅަށް ކުރެވޭ އާވައްތަރެއްގެ ފިކުރީ ހަނގުރާމައެކެވެ. މުސްލިމުންގެ ސަލަފީއަގީދާ ބަލިކަށި ކޮށްލުމަށް، އަލަށް އީޖާދުކޮށްގެން އުޅޭ، އާވަށްތަރެއްގެ ހަތިޔާރެކެވެ. މުސްލިމުން ބަލިކޮށްލެވޭނީ، މުސްލިމުންގެ އެންމެ ތެރެއަށްވަދެ މިނިވަންކަމަށް ގޮވާލާ އަޑުއުފުލައިގެން ކަމަށް ދެކިގެންނެވެ. ދެންފަހެ އެމީހުންގެ މުރާދަކީ، މިފަދަދީނީ އަޅުވެތިކަމުން ސަލާމާތްކޮށް މިނިވަންކުރެވޭނީ ފްރީޑޮމާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މުސްލިމުންގެ ތެރޭގައި ދުސްތޫރުން އާންމުކޮށްގެން ކަމަށް ހިތުގެއަޑިން ގަބޫލުކުރުމެވެ. އަދި ދީންތަކަށް އުޅުމުގެ ބާރު ގާނޫނުތަކުގެ ތެރެއިން ލިބިގެންނެވެ. ދީންބަދަލު ކުރުމުގެ ގާނޫނީބާރު ހުޅުވާލެވިފައި އޮންނަން ޖެހޭނެއެވެ. މިބައިމީހުންގެ މިފަދަ ފިކުރިއްޔާތުގެ އެންމެފުރަތަމަ ކަންބޮޑުމުން މިހާރު ހުއްޓިފައިއޮތީ، ދާދިފަހުން 2008 ގައި ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި ފާސްކުރި ގާނޫނު އަސާސީގެ 9 ވަނަ މާއްދާގެ (ރ) މިއަކުރުގެ މައްޗަށެވެ. “މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ.” މިއޮންނައޮތުން އަސާސީން ނައްތާލުމަށެވެ. އެމެރިކާއިން މިދޭ ހިތްވަރު ދިނުމުގެ އިނާމުތަކާއި އޮފްކަންގަދަ އެވޯޑުތަކަކީ، ސީދާމިބޭނުމުގައި ޒުވާން މިސްލިމު ލީޑަރުންނަށް ދެވޭ މެޑެލްތަކެކެވެ. މިގޮތަށް މިމަސައްކަތް ފަށައިގަތީ މުސްލިމުންނާ ދެކޮޅަށް ކަނޑިއާއި ބަޑިން ކުރަންފެށި ސަލީބީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހުގައެވެ. މިއީ މިޒަމާނަށް ފެތޭގޮތަށް މުސްލިމުންގެ އަގީދާބަލިކުރުމަށް އީޖާދުކުރި އާވައްތަރެއްގެ ހީލަތްތެރި ހަނގުރާމައެކެވެ. މުސްލިމުން ދީނާއި ގުރުއާނާ ދުރަށް ޖެއްސުމަށްފެށި އާވައްތަރެއްގެ އަޑިނޭނގޭ ހަނގުރާމައެކެވެ. ދީނީއިލްމިވެރިން ޒަމާނީ މިހަނގުރާމައަށް ނަންދީފައިވަނީ، މިއީ މުސްލިމުންގެ އަގީދާއާއި އިސްލާމީ ފިކްރިއްޔާތު ބަލިކަށިކުރުމަށް ސަހްޔޫނީ، ޔަހޫދީންނާއި ނަސާރާއިން އަޑީގައި ތިބެގެންހިންގާ “ފިކުރީ ހަނގުރާމަ” އެއްކަމަށެވެ. އާދެ! މިއީ ސްޓްރެޓެޖިކް ހަތިޔާރުތައް ދޫކޮށްލުމަށްފަހު، މުސްލިމުން ލައްވާ މިސްލިމުން ކަތިލާ ބަލިކުރުމަށް ހުޅަގުން ރާވައިގެން ހިންގާ ފިކުރީ ހަނގުރާމަ އެކެވެ. މުސްލިމުންނަށް ނޭނގިތިބެ މިހަނގުރާމައިގާ މިދަނީ ބަލިވަމުންނެވެ. އަމިއްލަދީން މަރާނެތިކުރަ މުންނެވެ. ގަތުލުކުރަމުންނެވެ. ފާކިސްތާނުގައި އެމެރިކާ ސިފައިން އިސްކޮށް ތިބެގެން ކުރިޔަށް މިގެންދަނީ، އެވިސްނުމުގެ ދަށުން ހިންގާ ވަހުޝީ ހަނގުރާމައެކެވެ. ރާއްޖޭގައި ވެސް ދީނަށް އުޅޭމީހުން ބަދުނާމު ކުރެވެއެވެ. މިނިވަން ނިއޫސް އިން މިކަމަށް ހިތްވަރު ދޭތަންފެނެއެވެ. އަދި ދިވެހި ގައުމީޓީވީން ފޮނުވާ ބައެއް ޕްރޮގްރާމް ތަކަށް އުންމީދުގެ މަގު، އުންމީގުގެ ހަގީގަތް، ކިކަހަލަގޮތަކަށް “އުންމީދު” މިލަފުޒު، ބޭނުންކޮށްގެން ސުރުޚީތައް މިބޭނުންކުރެވެނީ، މުޅިން ވިސްނާނުލައްވައެވެ. ދިވެހިންދީނުން ބޭރުކުރުމަށް ދިވެހިބަހުން މިހާތަނަށް ލިޔެވިފައިހުރި ފޮތްތަކުގެ ސުރުޚީއަށް އެވެރިން ދީފައިހުރީވެސް މިފަދަ ނަންނަމެވެ. “އުންމީދު” މިލަފުޒު ބޭނުންކޮށްގެން ނަންދީފައެވެ. މިހުރީ، ރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، މަރްހަބާ ކިޔުމުގެ ބަދަލުގައި ވިސްނާއި ފިކުރުކުރަންޖެހޭ ވަރަށް މުހިންމު ކަންތަކެވެ. މިފަދަ ހަރަކާތްތަކަށް، ސިޓީބިޓީ ފޮނުވައި މަރުހަބާގެ ބަސްތައް ރައްދުކޮށްގެން ނުވާނެއެވެ. ބަޔަކަށް ވާނުވާ ނޭނގިތިބެ ކުރެވޭ މިފަދަކަންތަކަކީ، ވަގުތުން ހުއްޓުވަންޖެހޭނެ ކަންތަކެވެ. މިހާރުވެސް ރާއްޖޭގެ ރަށެއްގައި އެމެރިކާގެ ދެމަފިރިއެއްގެ ދެކުދިން ވަރަށްޅަ ޅައުމުރުން ފެށިގެން، ދިވެހިބަސް ކިޔަވަމުން އެބަގެންދެއެވެ. މީގެކުރިން ކެޔެވީ ބޮޑެތި މީހުންނެވެ. އެވަރުން ނުފުދިގެން މިހާރު އެކިޔަވައިދެނީ، ތުއްތުއިރުން ފެށިގެންނެވެ. އޭރުން ދިވެހި ބަހުން ނުލިޔެވޭނެ އެއްޗެއް ނޯންނާނެއެވެ.
އާދެ! އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިޔާ އިން 2002 ވަނައަހަރު “ދަ ސެންޓަރ ރެލިޖަން އެންޑް ޑިމޮކްރަސީ” އުފެއްދީވެސް ސީދާ މިމަގްސަދު ގައެވެ. އާބާރެއްގައި މިއަމާޒު ހާސިލު ކުރުމަށެވެ. މުސްލިމުންގެ އަގީދާ ބަލިކޮށް ލުމަށެވެ. ރާއްޖޭގެ އާއަސާސީގައި ވަރަށް ސަރީހަކޮށް، މިއޮންނައޮތުން އޮންނާތީ، އެމީހުން ވަރަށް ކަންބޮޑުވެއެވެ. އެކަމާހެދި މިރާއްޖެވަނީ، ވޯލްޑް ވޮޗް ލިސްޓް (ޑަބްލިޔޫ ޑަބްލިޔޫ އެލް) ގައި، ދީނީމިނިވަންކަން ނެތް، އަދި ދީންތަކަށް އުޅުމުގެ މިނިވަންކަން ނެތް ގައުމުތަކުގެ ކަޅުލިސްޓްގައި 6 ވަނައަށް ދަރަޖަދީ، ފާހަގަކޮށް ފައެވެ. ގާނޫނީ ގޮތުން ދީން ބަދަލުކުރުމުގެ ގާނޫނީ ބާރުނެތްނަމަ މިމީހުންބަލަނީ، އަގިދާއާ ގުޅިގެން އަނިޔާއެއްލިބެނީ ކަމަށެވެ. ކޮންމެހެން ލިބެންޖެހޭ އިންސާނީ ހައްގެއް ނުލިބި އުނިވެގެންދާ ކަމަށެވެ. ބައެއްގެ ނުފޫޒުގެދަށުވެ އަޅުވެތި ވެފައިވާކަމަށެވެ. ފްރީޑޮމާއި ޑިމޮކްރަސީ ފުރިހަމަވެފައި ނެތީކަމަށެވެ. އަދި އިންސާނީ ހައްގަކަށް ގާނޫނީގޮތުން ސީދާކޮށް ހުރަސްއެޅޭ ކަމަށެވެ. މިދެންނެވި ލިސްޓްގެ އެންމެމަތީގައި އޮތީ ނޯތްކޮރެޔާއެވެ. ދެވަނައަށް އޮތީ ސައުދީއަރަބިޔާ އެވެ. ތިންވަނައަށް ވިއެޓްނާމެވެ. ހަތަރުވަނައަށް ލާއޯސްއެވެ. ފަސްވަނައަށް އީރާނެވެ. ދެންއޮތީ، ރާއްޖެއެވެ. މިއީ އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގަމުން ގެންދާ ކުލަގަދަ ސައިޓެކެވެ. ފަހެ، މިޖަމާއަތުން ވެސް ޕްރެޝަރދެނީ، ވަކި އަގީދާއަކަށް އުޅުން، ގާނޫނަކުން މަޖްބޫރު ކުރުމަކީ، އިންސާނީ ހައްގަށް އުނިކަމެއް ގެނެސްދޭ ކަމަކަށެވެ. ޒުވާން މުސްލިމް ޖީލުތަކަށް އުގަންނައިދީ ވިސްނައިދެމުން ގެންދަނީ، މިފަދަ ފްރީޑޮމަކަށް އުޅުމަށެވެ. މިފަދަ ޑިމޮކްރަސީ އަކަށެވެ. މިފަދަ އިންސާނީ ހައްގުތަކަށެވެ. މިފަދަ މިނިވަން ކަމަކަށެވެ. އާއިލާ ތެރޭގައި ފިރިމާހާ މުސްލިމަކަށް ހުންނައިރު ލޮބުވެތި އަނބިމީހާ އެހެންދީނަކަށް އުޅުމުގެ މިނިވަންކަމާއި ހައްގު އޮންނަންވާނެ ކަމަށެވެ. ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ފުރިހަމަވުމުގެ މިސާލަކީ، މީކަމަށެވެ.
ފަހެ ދަންނާށެވެ! އެމެރިކާއިން، މުސްލިމުން ލައްވާ މިގޮވާލަމުން ގެންދަނީ މިފަދަ މިނިވަންކަމާއި ފްރީޑޮމަށެވެ. މިގޮވާލުމަށް މުސްލިމް ޖީލުތައް ލެންބުމަށް އުފެއްދިފައިހުރި ޖަމާއަތްތަކުން އެވޯޑްތަކާއި ހިތްވަރު ދިނުމުގެ އިނާމުތައް މުސްލިމު ލީޑަރުންނަށް ބަހަމުން ގެންދަނީ މިބޭނުމުގައެވެ. އެމެރިކާގައި ފުރަތަމަ ކޮންގްރެސް މަނަކަށްވި މުސްލިމް މީހާއަށް ބައްލަވާށެވެ. އޭނާއަކީ، އެމެރިކާގެ ސްޓޭޓެއްކަމުގައިވާ މިޗިގަނަށް 1963 އޯގަސްޓް 04 ގައި އުފަންވެފައިވާ އެމެރިކާގެ ކަޅުނަސްލު ދަރިކޮޅަށް ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ މިސްޓަރ ކެއިތް މޮރިސް އެލިސަނެވެ. އެމެރިކާގެ ރައްޔިތުން މަޖިލިސް ކަމުގައިވާ ސެނެޓުގައި 2003 ކުން ފެށިގެން މީނާ އުޅުއްވައެވެ. ސެނެޓްގައި ހުވާ ކުރެއްވީ، ކީރިތިގުރުއާނުގައި އަތްތިލަ ބާއްވައިގެންނެވެ. މިކަމާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ނުރުހުމުގެ ބަސްރައްދުވެފައި ވެއެވެ. އިސްލާމަކަށްވީ، ޔުނިވަރސިޓީ ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު އުމުރުން އެންމެ 19 އަހަރުގައެވެ. 1987 ވަނަ އަހަރު ބީއޭ ޑިގްރީ ނިންމެވީ އިގްތިސާދުންނެވެ. އޭގެމައްޗަށް ކިޔަވާވިދާޅުވީ ގާނޫނުގެ އިލްމެވެ. ސެނެޓުގައި އޮންނަ ގާނޫނީކޮމެޓީއާއި ޚާރިޖީ ކޮމެޓީގައި މަސައްކަތް ކުރައްވައެވެ. އަނބިކަނބަލުން މިސިޒްކިމް އަކީ، މުސްލިމެއްނޫނެވެ. މިދެމަފިރިންނަށް ތިންފިރިހެން ބޭފުޅުންނާއި އަންހެން އެއްބޭފުޅަކު ލިބިފައި ވެއެވެ. އަންހެންބޭފުޅާ ބުރުގާ އަޅުއްވައެވެ. ފްރީޑޮމްގެ ކިހާރީތި މިސާލެއްތޯއެވެ! މިނިވަންކަމުގެ އިންތިހާއެވެ. ފްރީޑޮމާއި ޑިމޮކްރަސީ ގައި މުސްލިމުން މިނިވަންކަމާއެކު އުޅެންވީ ރީތިގޮތަކީ، އަދި ދައްކުވައިދޭންވީ އެންމެ ރީތި މިސާލަކީ، މިއީކަމުގައި މިފަދަ ޖަމާއަތްތަކުން ވިސްނައިދީ، ހާމަކޮށްދެއެވެ. މިސްޓަރ ކެއިތަކީ، މިސްޓަރ ބަރަކް އޮބާމާގެ ވަރަށް އަރިސް ސެނެޓަރެކެވެ. އަދި އެމެރިކާ ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ މުސްލިމް ޖަމާއަތްތަކާއެކު ވަރަށްގާތް ގުޅުންތަކެއް އޮންނަ ވަރަށްއިސް ބޭފުޅެކެވެ. އިސްލާމެކެވެ. މުސްލިމެކެވެ. އަރަބި ގައުމުތަކަށާއި ޚާއްސަކޮށް ފަލަސްތީނާއި އިސްރާއީލަށް ދަތުރުފުޅު ކުރައްވާ ބޭފުޅެކެވެ. އިސްލާމީ ބައެއް ޔުނިވަރސިޓީ ތަކުގައި ވާހަކަދައްކަވާއި ލެކްޗަރދެއްވައި ހައްދަވައެވެ. މުސްލިމުންނަށް ދެވޭ އެވޯޑްތަކާ މިސްޓަރކެއިތާ ވަރަށް ގުޅުންބޮޑެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ފްރީޑޮމް އޮފް ރެލިޖަނެވެ. އެހެން ދީންތަކުގެ މީހުންނަށް، މުސްލިމް މުޖްތަމައު ތަކުގައި ފުރިހަމަ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއެކު، ދިރިއުޅުމަށް މަގުފަހިކޮށް ދިނުމެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން، މިމާތްދިވެހި ފަސްގަނޑުގައި އެހެންދީން ތަކަށް ފުރިހަމައަށް، އުޅުމުގެ ގާނޫނީބާރު ހޯދުމެވެ. އޭ! ﷲ އެވެ! އަޅަމެންގެ ރާއްޖޭގެ ފަސްގަނޑު މިފަދަ ޖަރާސީމުތަކުން ސަލާމާތް ކުރައްވާށިއެވެ! ﷲ ފިޔަވާއި އެހެން ފަރާތަކަށް މިލޮބުވެތި، ތޯހިރު ފަސްގަނޑުގައި އަޅުކަންކުރިޔަ ނުދެއްވާށިއެވެ! އާމީން!


Comments