top of page

މަގުޗާޓަކީ، ރައީސްމައުމޫނުގެ އަމިއްލައެއްޗެއް، ރައްޔިތުންގެ އެއްޗެއްނޫން.

  • Writer: ilyashusein
    ilyashusein
  • Oct 7, 2009
  • 5 min read

އިލްޔާސް ޙުސައިން އިބްރާހީމް.  (ލިޔުނީ2007 ގައި)

“ކުރިންނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ”. މިއީ ދިވެހިން ބުނެ އުޅޭ ހަރުބަހެކެވެ. ދުލަށް ފަސޭހަ ކުރުޖުމްލައެކެވެ. އެހެނަސް މާނަފުންވެފައި ބުރަދަން ބޮޑެވެ. ހިކުމަތް އެކުލެވިފައި ވެއެވެ. ރައްކާތެރި ވުމަށް، އަޅާފިޔަވަޅު ތިމާގެ ހަލާކަށްވެފައި ވެސް އެބަހުއްޓެވެ. ނިޔަތާއި މަގްސަދު ގޯސްވެއްޖެނަމަ، ކުރި މަރުވީއެވެ. ބަލިޖެހި ގުރުނޑުވީއެވެ. ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް، ފެނާއި އޭތިމީތި އެޅިޔަސް އެގުރުނޑުވުމެއް ފަހަކުން ރަނގަޅެއް ނުކުރެވޭނެއެވެ. އަދި ކުރިންހުރި ދިރުމާއި ވިންދު، ފަހަކުން ނުވެސް ދިރުވޭނެއެވެ. ކުރާކޮންމެ ކަމެއް ދެންދާނީ ގޯހުންގޯހަށެވެ.

“ތަރައްގީއާއި އާބާދީއެއްފަސްކުރު” މާއި، “މަގުޗާޓު” ތައް، ދުނިޔެއަށް އުފަން ކުރީ، ޔަހޫދީންނެވެ. ބޮޑު އިސްރާއީލު އުފެއްދުމަށާއި މުސްލިމުންނަށް، ހޭލާތިއްބައި ހުވަފެން ދެއްކުމުގެ ނިޔަތާއި މަގްސަދު ގައެވެ. އެންމެހައި އިންސާނުންނަށް، އިޚްލާސްތެރިވުމެއް ނެތެވެ. ތެދުވެރިވުމެއް ނެތެވެ. ވަކި ޚާއްސަ ނިޔަތަކާއި މަގްސަދެއް ގައެވެ. އިސްލާމީދުނިޔޭގެ މެދުގައި ޔަހޫދީ ދައުލަތެއްގެ ބިންގާ ބަހައްޓާއި، އެދައުލަތް ވަރުގަދަކޮށް ފުޅާކުރު މަށްޓަކައި ސަހުޔޫނީން ބޭނުންކުރީ މިފަދަ ޖާދޫތަކާއި އޮޅުވާލުން ތަކެވެ. ރައީސްމައުމޫނުގެ މަގުޗާޓަކީވެސް، އަދި ތަރައްގީއާއި އާބާދީއެއްފަސް ކުރުމަކީވެސް މިކަހަލަ ޖާދުވީ ދަޅަ އެކެވެ. ރައްޔިތުންނަށް އޮޅުވާލުމެކެވެ. އަމިއްލަ އެދުމެއްގެ ދަށުން، ރައްޔިތުންނާއި ބައިނަލް އަގްވާމީ މުޖްތަމައު ހިމޭންކުރުވުމަށް އަޅުވާއަނދުނެ ކެވެ. އެއްވެސް އިޚްލާސްތެރި ކަމެއް އެއަކު، އެކުލެވިގެނެއް ނުވެއެވެ. ނިޔަތާއި މަގުސަދުވަނީ، ކަޅުއަނދިރީގަ އެވެ. ގެއްލިފައެވެ. ރޯޝަނީ ގުލްޝަނެއްގެ އަލިކަމެއް ނެތެވެ. ރައްކާތެރި ކަމެއްގެ މާހައުލެއް ނެތެވެ. މިކަމުގެ އަލިގަދަ ހެއްކަކީ، ރައީސްމައުމޫނުގެ އިސްލާހީއެޖެންޑާ އިއުލާނު ކުރެއްވީ، 9 ޖޫން 2004މ، ވަނައަހަރުގައި ދެންއެހެން ގޮތެއް ނެތުމުންކަމުގައި ވާތީއެވެ. އޭގެ ކުރީއަހަރު ސެޕްޓެންބަރ އޮނަވިހި، ވިހި ސިޔާސީ ސުނާމީއެއްގެ ސިފައިގާވަނީ އަރާފައެވެ. ގެނބެމުންގޮސް ނޭވާހޮޅިއަށް އެރުމުން އެޅުއްވި ފިޔަވަޅަކަށް ވާތީއެވެ. އަނިޔާވެރި، ނުލަފާކަމަށް މަޝްހޫރު ފިރުއައުނު ވެސް އީމާންވެ ޝަހާދަތުގެ ދެކަލިމަ ކިޔޭތޯ މަސައްކަތް ކުރީ، ވަށާއިގެން ފެންގަނޑު ބައްދާލުމުން ނެވެ. ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގައިމުކުރުމަށް، ފާޑަކަށް ހިންގާ “އިސްލާހީ ޕްރޮގްރާމުގެ މަގުޗާޓް” އިއުލާނުކުރެއްވީ، 2006 ވަނައަހަރުގެ މާޗުމަހު، 27 ވަނަދުވަހު އެވެ. ތިންފިޔަވައްސަކަށް މަގުޗާޓު ބަހާލެވިފައިވަނީ ވެސް ރައްޔިތުންނަށް އޮޅުވާލުމަށެވެ. އެންމެފަހުން މަގުޗާޓު ފެއިލްވެ، ހުރިހާކަމެއް ބޭޒާރުވެ ފަޅާއަރަންފެށުމުން، ރައީސްމައުމޫނު އެވިދާޅުވީ މަގުޗާޓަކީ، ރައްޔިތުންގެ އެއްޗެއް ކަމަށެވެ. އަދި އެންމެފަހުން، ތިމަންނާއަކީވެސް ރައްޔިތުންގެ އެއްޗެކޭ ވިދާޅުވާނެއެވެ. ޝަހީދު ސައްދާމު ހުސައިނު ވެސް އެންމެފަހު ވަގުތު ވިދާޅުވީ އެހެންނެވެ. ދަންޖެއްސުމަށް ނިޔާއިއްވި ގާޒީއައި ދިމާއަށް ވިދާޅުވީ، ކަލޭއަށާއި ކަލޭގެބައްޕައަށް ވެސް ކިޔަވައިދިނީ އަހަރެންނެވެ. އަހަންނަކީ، ރައްޔިތުންނެވެ. ރައްޔިތުންގެ ބައްޕައެވެ. މިބަހަކީ، ދެން ގޮތެއްނެތުމުން ޑިކްޓޭޓަރުން ވިދާޅުވާ ފަހު ބަހެވެ. ރައީސް މައުމޫނު ވެސް އެންމެފަހުން ވިދާޅުވާނީ، އޭނާއަކީ، ރައްޔިތުންކަމުގަ އެވެ.

އާދެ! ދިވެހި ރައްޔިތުންނަށް، ރައީސްމައުމޫނު ދެއްކެވި މަގުޗާޓަކީ، އޭނާގެ އަމިއްލަ އެއްޗެކެވެ. އެއްގޮތަކަށް ވެސް ރައްޔިތުންގެ އެއްޗަކަށް ނުހެދޭނެއެވެ. ރައްޔިތުންގެ އެއްޗެކޭ އަތޮޅުތަކުގެ ތެރޭގައި ހުންނަވައިގެން އދ.މަހިބަދޫގައި އެވިދާޅުވި، ވިދާޅުވުމަކީ، އަނެއްކާވެސް އޮޅުވާލެއްވި އިތުރު އޮޅުވާ ލެއްވުމެކެވެ. 5 އޯގަސްޓު 2007މ، ވަނަދުވަހު ރައީސް މައުމޫނުގެ ކެބިނެޓުން އިސްތިއުފާދެއްވުމުގެ ސިޓީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމަށް ފަހު، ރައީސް މައުމޫނަށް، ފިލިކުރައްވައި ކަރުބުޑަށް އެންގަނޑު، ވައްޓާލެއްވުމަށް ފުރުސަތު ނުދެއްވައި ނޫސްވެރިންނައި ބައްދަލުކުރައްވައި ރައީސްމައުމޫގެ މަގުޗާޓާބެހޭ ފަރުދާގެ ބިއްދަށު ފަރާތުގެ ފުރިހަމަ މައުލޫމާތު ދެއްވި ޑީއާރުޕީގެ ނައިބު ޒައިމު ޑޮކްޓަރ ހަސަންސައީދާއި އެޕާޓީގެ ވަރަށް އިސް ބޭފުޅެއްކަމުގައިވާ އަލްއުސްތާޒު މުހައްމަދު ޖަމީލުއަހްމަދަށް، ފަށްފަށުން މަރުހަބާއާއި ޝުކުރުދަންނަވަ މެވެ. ފަހުން ނަމަވެސް އެއްޗެއް ވިސްނުނީތީއެވެ. އަދި، ވަރަށް އިހްލާސްތެރިކަމާ އެކު ހަސަން ސައީދަށް ދަންނަވަމެވެ. ރައީސް މައުމޫނުއަރިހަށް 2007 ވަނައަހަރުގެ ފެބްރުއަރީމަހު ލިޔުއްވައި ތިޔަފޮނުއްވެވި، ނުވަސޮފްހާގެ ސިޓީއާއި ދެންވެސް އެމަނިކުފާނުގެ މަގުޗާޓައި ގުޅިފައިވާ މުހިންމު ސިއްރުތައް ހިމެނޭފޮތެއް ރާއްޖެއިން ބޭރުގައި ތިޔަހުންނަވާ ދުވަސްވަރު، ލިޔުއްވައި ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްދެއްވާ ށެވެ. ހަސަނުލައްވައި ރައީސްމައުމޫނު، އެކުރެއްވި ބުރަމަސައްކަތަށް ވެގެންދިޔަގޮތް ދިވެހި ރައްޔިތުންނަށް ހަސަނުގެ ހިތާއި ގަލަމުން އެގެންބޭނު މެވެ. ހަމަގައިމު ވެސް އަޅުގަނޑު އޭގެ ހަގީގަތް ދެނެގަތުމަށް ޝައުގުވެރި ވަމެވެ. ޑީއާރުޕީން ކުރިންވަކިވެ، އަދި ރައީސް މައުމޫނު ސަރުކާރުން އިސްތިއުފާ ދެއްވި ޕީޕަލްސް އެލަޔަންސް ނުވަތަ އެޝޯސިއޭޝަން (ޕީއޭ) އަށް ނިސްބަތްވާ ބޭފުޅުންނަކީ، ނިއުމޯލްޑިވްސް އަށް ހަމްދަރުދީވެ ރުހޭނެ ބައެއް ނޫނެވެ. ސަރުކާރުން އެބޭފުޅުންގެ ވަކިވުމަކީ، ވަގުތީކަމެކެވެ. ހަގީގަތަކީ، ޑީއާރުޕީގެ ޒައީމަށް ހަމްދަރުދީވެ، ކުރިޔަށް އޮތްރިޔާސީ ދައުރަށް މަގުފަހިކޮށް ދިނުމެވެ. ނިޒާމީވޯޓަށްފަހު، މިސިއްރު ފާޅުވާނެއެވެ. ވިސްނައި ތިއްބަވާށެވެ. ނިއުމޯލްޑިވްސް ކުދިންނަށް ފާގަތި މުސްތަގްބަލެއް އޮންނާނީ، މިހާރުންމިހާރަށް ރައީސް މައުމޫނު ސަރުކާރުން އިސްތިއުފާ ދެއްވައި ދުރަށްޖެހި ވަޑައިގަތުމުން ނެވެ. އަދި ރައްޔިތުންނައި ގުޅިވަޑައިގެން މުޅިގައުމުގެ އިސްލާހަށް މަސައްކަތް ފައްޓަވައިގެންނެވެ. ސަރުކާރުގައި ތިބެއްޖެނަމަ، ފަހަކުން ސަލާމަތެއް ނުވެވޭނެއެވެ. އާދެ! ކުރިންނުވި ރައްކަލެއް ފަހަކުންނުވެވޭނެއެވެ. މިއީ ޑޮކްޓަރ ޝަހީދަށާއި، ހޮން އައިޝާ އަށާއި، ހޮން ހިލްމީއަށް ހުރި، ހާމަކަން ބޮޑުފިލާވަޅެކެވެ. ހޮން ވަހީދުއްދީނެވެ. ހަނދާން ކުރައްވާށެވެ. ވިސްނުން އިސްކުރައްވާށެވެ. ރައީސްމައުމޫނަށް އިތުބާރު ކުރެއްވޭނީ ނިއުމޯލްޑިވްސް އުފަންވުމުގެ ކުރީގެ އޯލްޑު ބޭފުޅުންނަށެވެ. ރޭހެއްވިއްޔާ ރޭސްނިންމޭނީ ރޭސް ފެށިމީހުންނާ އެކުގައެވެ. ތިޔައީ މެދުތެރެއިން ދައްކާލި ކުދިންކޮޅެކެވެ. ނިއުމޯލްޑިވްސްގެ ވިސްނުމާއި ޚިޔާލާތަކީ ރައްޔިތުންނަށް ދައްކާލި ރީތިދަޅައެކެވެ. ހަސަނާއި ޖަމީލުގެ ބަސްތަކުން މިކަން ސާބިތުވެއެވެ. ރީތިކޮށް ދަނެގަނެވެއެވެ. އަދި މަހިބަދޫގައި ރައީސްމައުމޫނު ދެއްކެވި ވާހަކަފުޅުން ޚާއްސަކޮށް، ހަސަންއައި ދޭތެރޭ އުފެދިފައިހުރި، ޒާތީހަސަދަ ދިރާސާކޮށް ވަޒަންކޮށް ލެވެއެވެ. ހަސަންމެން، ބޮޑުމަޖިލީހުގައި ރައީސްމައުމޫނާއި ޑީއާރުޕީ ދިފާއުކޮށް، ހިމާޔަތް ކުރުމަށް ވާހަކަނުދައްކާ ތިއްބަވާތީ، މިހާރު ޑީއާރުޕީއަށް ނިސްބަތްވާ ދެތިން (ހޯރަފުށީސަލީމް، ކުވާޝާފީ، އައްޑޫއިމާދު) ބޭފުޅަކު ވަރުދައްކާފައި ވާހަކަދައްކާތަން އެބަފެނެ އެވެ. ބޮޑުމަޖިލީހުގައި ނަށާތަން ފެނެއެވެ. ފަހެ، ހަމަ ގައިމުވެސް އެނގޭ އެއްޗަކީ، ކިތަންމެހާ ސިއްރުރޭވުންތަކެއް ރޭވިޔަސް ރައްޔިތުންގެ ބާރަކީ، ރޫހާނީބާރެއް އެކުލެވޭ ކުރިޔަށް ވާނެގޮތް، ހިލްއެންޑް ނޯލްޓަންގެ ބޭފުޅުންނަށް ވެސް ދިރާސާކޮށް ބުނެދޭން ނޭގޭނެކަމެވެ.

ފަހެ ދަންނާށެވެ! ރައީސްމައުމޫނުގެ މަގުޗާޓު އިއުލާނުކުރެއްވުމައި ގުޅިގެން އަޅުގަނޑުވާނީ، ރައްޔިތުންގެ ބޮޑުމަޖިލީހުގެ ތަޅުމުގައި އެއީ ފެއިލް ވެފައިވާ ޖަދޫއެއްކަމުގައި ސިފަކޮށް، މާކުރިން ދަންނަވާފައެވެ. އަދި ނޫސްތަކުގައި ލިޔެބާކޮށް ފައެވެ. މިހާރުއެވާހަކަތައް، އެވިދާޅުވަމުން ގެންދަވަނީ، ގާނޫނުއަސާސީއާ ޚިލާފަށް، އަދި އިންތިޚާބަކާނުލައި ރާއްޖޭގެ ވެރިކަމަށް ގަދަކަމުން އަރައިގަނެ ބާރުހިންގައިގެން އުޅޭ، ޑީއާރުޕީގެ އެންމެއިސް އެއްވަނަ ނައިބު ޒައީމެވެ. މިއަށްވުރެ ހެއްވާކަމެއް އަޅެފަހެ، އޮންނާނެތޯއެވެ؟ ސިޔާސީޒައީމަކު ބޭޒާރުވާނީ މިވަރަށެވެ. ޒުވާން ބަންޑާރަނައިބު ޑޮކްޓަރ ހަސަންސައީދަށް ސާބަސް އަރުވަމެވެ. ހިތްވަރު ދެމެވެ. ތިޔައީ މިހާތަނަށް، މުޅިން އާވަށްތަރެއްގެ އިސްތިއުފާއެކެވެ. އަލްފާލިލް އަބްދުﷲ ޝާހިދާއި އަލްފާލިލް އިބްރާހީމް ޝަހީދުޒަކީ ދެއްކެވި އިސްތިއުފާއާ މުޅިން ތަފާތެވެ. އާދެ! ތިޔަ އިސްތިއުފާއަކީ، ކެރިވަޑައި ގަތުމުގެ ނަމޫނާ އެކެވެ. ރައްޔިތުންނަށް ވެވުނުގުރުބާނީ އެކެވެ. ސިޔާސީބޮޑާ ހޭކުމެއްނޫނެވެ. ކަޅަށްކަޅޭ އަދި ހުދަށްހުދޭ ބުނުމެވެ. އަޅުގަނޑު މިދަނޑިވަޅުގައި ގޮވާލަނީ، ޑީއާރުޕީގެ ނައިބުޒައީމު ކަމުން ވެސް އަވަހަށް އިސްތިއުފާ ދެއްވުމަށެވެ. އަދި ހަރުދަނާ އިދިކޮޅު ސިޔާސަތެއް ފެނުމުން އެބަޔަކާ ގުޅިވަޑައި ގަތުމަށެވެ. ނުވަތަ ނިއުމޯލްޑިވްސް އަށް، ޑީއާރުޕީއާވަކިން ސިޔާސީ މަގާމެއް ގެނެސް ދެއްވާށެވެ.

ދެންފަހެ، ދެކެދެނެތިބެ ދަންނާށެވެ! އަޅުގަނޑު ބޮޑުމަޖިލީހުގެ ތަޅުމުގައި މިގޮވާލާގޮވާލުމުގެ ހަގީގަތް، މިދަނީހާމަވެ ފެންނަމުންނެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ! 2007 އޯގަސްޓު 18ވަނަ ދުވަހު، ވެރިކަމުގެ ނިޒާމެއްހޯދުމަށް ނަގާ ފެންނަނުފެންނަ ވޯޓަކީވެސް، އަސާސީ ލަސްކުރުމަށް އެޅި އެންމެވަރުގަދަ އެއްފިޔަވަޅެވެ. މިފިޔަވަޅުގެ ފަހަތުގައި ފޮރުވިފައިހުރި އަނިޔާވެރި ރޭވުންތައް، ރައްޔިތުންނަށް ފެނި، ހާމަވެގެންދާނި އަދިފަހުންނެވެ. ރަނގަޅަށް ނޭގިތިބެ ރައްޔިތުން ޚިޔާރުރާ ވެރިކަމުގެ ވަށްތަރެއް ތަފްސީލުކޮށް އަސާސީގައި ލިޔުމުގެ ވަގުތު އައުމުންނެވެ. އަސާސީގައި އެނިޒާމެއް އޮންނާނެގޮތް ތަފްސީލުކޮށް ނޭނގިތިބެ ކޮންވޯޓެއް ނަގާކަށްތޯ އެވެ! މިއީ ބަނޑުގައި ނުވިހާއޮތް ކުއްޖާގެ ޖިންސު ނޭގިތިބެ އެކުއްޖާއަށް ފޭރާން ހޯދައިދިނުން ކަހަލަ ކަމެކެވެ. ހަގީގަތަކީ، ވެރިކަމުގެ ފަރާތުން ވަގުތުނަގާލުމަށް ރާވައިގެން ހިންގާ ބޮޑުކަންތައް ގަނޑެއް ކުރިޔަށް ގެންދެވުމެވެ. ނިއުމޯލްޑިވްސް ލައްވައި ރިޔާސީ ކެންޕޭނެއް ޖައްސުވާފައި ޕީއޭ ލައްވައި ޕާލަމެންޓްރީ ކެންޕޭނެއް ކުރިޔަށް ގެންދަނީއެވެ. ބޭރުފުށަށް ޑިމޮކްރަސީގެ ބައްޕައެއްކަން، ދައްކުވާފައި އަޑިން ސިޔާސީ ރާޒުވާކުޅިވަރު ކުޅެނީއެވެ. މިއީ، ބޮޑުމަޖިލީހުގެ 93ވަނަ ޖަލްސާގައި މިކަމަށް، ވޯޓަށް އެހެމުންދިޔަ އިރު، އާދޭހާއެކު އަޑަށްލެވުނުހާ ބާރެއްލާފައި، އަޅުގަނޑުކުރި އާދޭހެވެ. ތަކުރާރުކޮށް އެތައްފަހަރަކު މިއަޑުއުފުލީމެވެ. ހަމަ ގައިމުވެސް، ހަދާންހުރިބަޔަކު ހަދާންހުންނާނެ އެވެ. އެހެނަސް އެދުވަހު، އެއަޑު ތައް ދިޔައީ އޮއްބާލެވި ގެންނެވެ. ޔައުމިއްޔާތައް ވެސްހުރީ، ސެންސަރުކޮށްފަ އެވެ. ސީދާ އެންދެރިމާގޭ އައްބާސް އަޑީގައި ހުންނަވައިގެން އަމީންއާންމު ލައްވާ ބަދަލުގެނެސްފައެވެ. އޭގެފަހުން ވެސް، ތަކުރާރުކޮށް އެތައްޖަލްސާ އެއްގައި މިއަޑުތައް އަޅުގަނޑުވާނީ އުފުލާފައެވެ. އަދި ލިޔެހަދާފައިވެސް ވާނެއެވެ. ކުރާނެކަމެއް ނެތެވެ. ހަމަކަށަ ވަރުން ﷲ ހެކިވެވޮޑިގެން ވާނެއެވެ. ނިޔަތާއި މަގްސަދުގައި އިޚްލާސްތެރި ވުމަކީ، ރައްޔިތުންނަށް ހަގީގަތް ހާމަކޮށް ދިނުމެވެ. ރައީސްމައުމޫނުގެ ޑީއާރުޕީއަށް، ބޮޑުމަޖިލީހުގައި އަދިވެސް، އަގުލަބިއްޔަތު އޮތުމާއި އެމަޖިލީހުގެ ރައީސަކީ، މިހާރު ޑީއާރުޕީގެ އެއްނައިބު ޒައީމަށް ވެފައި، އަދި ރައީސްމައުމޫނަށް އިޚްލާސް ތެރިވުމުގައި ދެމިހުންނެވުމަށާއި އަންގަވާ ވާޖިބުތައް ކިޔަމަންތެރި ކަމާއެކު، އަދާކުރެއްވުމަށް ﷲގަންދެއްވައި ހުވާކުރައްވައި ގެން، ދިވެހިޚަޒާނައިގެ ތަޅުދަނޑި ހިތްޕަވައިގެން ހުންނެވި، ދުނިޔޭގައި ލެއްވި ހުރިހާ ވިޔަފާރިއެއް ކުރައްވަމުން ގެންދަވާ އަމިއްލަ، އިސްތިބްދާދީ ގޮތްތަކެއްގެ އަހުލުވެރި އަކަށްވާތީ، އަދިވެސް އެގެންދަވަނީ، ބޭނުންފުޅު ވާހާގޮތެއް ހައްދަވަމުންނެވެ. ބަހުސްތައް ކުރުގަޅުވާލާފައި މެމްބަރަކަށް ދެނީ އެންމެހަތަރު މިނެޓު ނުވަތަ ތިންމިނެޓެވެ. ދެން ކަނޑާލައްވަނީ މައިކެވެ. ޑީއާރުޕީ މެންބަރުނަނަށް މައިކުލިބިފައި ހުރެއެވެ. ބޮޑުމަޖިލީހަށް ރައްޔިތުންގެ ޝުޢޫރުތައް އެންމެބޭނުންވި ވަގުތު ކަންހިރުގޮތަކީ މިއެވެ. އިސްލާހަށް ލޯބިކުރާ އަޅުގަނޑުމެންގެ ކަރުގައި ހިއްޕެވީއެވެ. މިދުވަސްވަރަކީ، ސީދާއަސާސީގެ މާއްދާތަކަށް ބަހުސް ކުރުމުގެ މަރުހަލާއެވެ. ރައީސްގާސިމުގެ އަމަލުތައް އެހުރީ ޓީވީން ފެންނާށެވެ. ރައްޔިތުންނަށް އަވަހަށް އިސްލާހީ ކަމެއްކޮށްދޭން ބޭނުންވާނަމަ، އަދުލްއިންސާފުގެ ބާބަށް އިސްކަމެއް ދެއްވީހެވެ. މިވަރަށް އަޑުއުފުލާއި ގޮވާއިރުވެސް، އެބާބުވަނީ އަދިވެސް ފޮރުވާފައެވެ. ރައީސްގެ ވަތްގަނޑުގައި ތަޅުލާފައެވެ. ރައީސްގާސިމުގެ މިފަދަ އަމަލުތަކުން އެނގެނީ، ގާނޫނުއަސާސީ ހެދުމަށް ހުރަސް އަޅަނީ، ރައީސްމައުމޫނުގެ އިރުޝާދުގެ ދަށުން، އޭނާކަމެވެ. އެންމެފަހުން އޯގަސްޓު 5 ގައި އިސްތިއުފާދެއްވި ދެވަޒީރުންވެސް ވަނީ، މިތުހުމަތު ކުރައްވާފައެވެ. އަސާސީގެ 102ވަނަ މާއްދާގެ އިސްލާހާއި 29 މެމްބަރުން އުނިކުރުމުގެ މައްސަލައަށް، ރައީސްމައުމޫނު ބޭނުންފުލުވެލައްވާ ގޮތް، އަޅުގަނޑުމެން ބަލަބަލާތިއްބާ އެހަދާނިންމާލެއްވީ ނޫން ތޯއެވެ! އާދެ! މިބަދަލު ކުއްލިބަދަލެއްގެ ގޮތުގައި އަސާސީއަށް ނުގެނެސް ރައްޔިތުން އެދޭގޮތަށް އަސާސީއެއް ނުހެދޭނެކަން އެންމެންވެސް ދަނެއެވެ. އަދި 30/11 އަށް، އަސާސީނިންމުމަށް 151ވަނަ ޖަލްސާގައި، ދެއްކުނު ލޫލާފަތި ދަޅަތަކަކީވެސް ރައްޔިތުންނަށް އޮޅުވާލި ބޮޑުއޮޅުވާލުމެ ކެވެ. އަޅުގަނޑުގެ ވޯޓު 30/11 އަށް އަސާސީނިންމުމަށް ދިނީ، ވަކިވަކި މާއްދާތަކަށް، އިސްލާހުގެނެސް އަސާސީ ނިންމޭގޮތަށް އޮތީމައެވެ. މިވިސްނުމަށް ޑީއާރުޕީ ބޭފުޅުން، މިހާރު އިންކާރު ކުރައްވާކަން މިދިޔަދެތިން ޖަލްސާއިން އެނގިވަޑައި ގަންނަވާނެއެވެ. އާދެ! މިހާރުގެ އެންމެފަހުގެ ޖާދުވީއޮޅުވާލުމަކީ، އިސްލާހީ ޕުރޮގްރާމްގެ މަގުޗާޓު، މުޅިންފުރިހަމަ ކޮށްދިނުމަށްޓަކައި 2010މ، ވަނަ އަހަރާހަމައަށް، ނުވަތަ ކުރިޔަށް އޮތްރިޔާސީ ދައުރު އެކުގައި ބޭނުންވާނެ ވާހަކައެވެ. ޕާކިސްތާނުގައި ޖެނެރަލް ޒިޔާއުލްހައްގު ވެސް މިކަހަލަ ދަޅަތަކެއް ދަށްކައިގެން ވެރިކަމުގައި ފައިވިއްދާފައި ހުރުން ދިގުދެންމިއެވެ. ޖަރީކޮށްފައިވާ މިވަށްތަރުގެ ދަޅަތަކުގެ މަޅީގައި ނުޖެހި، ހުރިހާގާނޫނީ ވަކީލުން ކޯޓުތަކަށް ވަޑައިގަންނަވަންވީމާ ތުރުކުރައްވަންޖެހޭ ކޯޓުކޮޅުތައް ތުރުކުރައްވައިގެން، މަގުމައްޗަށް ނުކުމެވަޑައި ގަންނަވައި، ދާދިފަހުން ޕާކިސްތާނުގައި ތަޖުރިބާ ކުރެވުނު، ކާމިޔާބު ހިކުމަތުއަމަލީގެ ބޭނުންހިއްޕެވުމަށް، އަޅުގަނޑު ވާނީ ބޮޑުމަޖިލީހުގެ ތަޅުމުގައި ހަރުއަޑުން އަޑުއުފުލައި ގޮވާލާފައެވެ. ބޭނުންވަނީ އިލްމީސިފައެއްގައި އެކުލަވާލެވޭ ހަރުދަނާ ވިސްނުމެކެވެ.

މިހުރީ، ލޮބުވެތި ރައްޔިތުން ވިސްނާލައްވަންހުރި މުހިންމު ނުކުތާތަކެވެ. ވެރިކަމުގެ ފަރާތުން ދައްކާހާދަޅައަކަށް، ޖަޒްބާތަށް އައިސް މުޑިނުނަންގަވައި ހަރުދަނާ އިދިކޮޅު ސިޔާސަތެއްގެ ދަށަށް، އިދިކޮޅުޕާޓީތައް އެއްޕުލެޓްފޯމަކަށް ޖަމާވެ، އެއް ދިދައަކަށް، ތަބާވާން ވެއްޖެއެވެ. މިހާރު އެމޭވާދޮންވެ، ފައްކާވަނީއެވެ. ބިނދެލުމުގެ ދުވަސް ކުޑަތަންވެ ކާރިވަނީއެވެ. ފަހެ، އެދުވަހަކީ، އަންނާނެ ދުވަހެކެވެ. އިދިކޮޅު ފަރާތްތަކުން ޒަމާނީ އާވިސްނުންތައް ނެރެ، ރައްޔިތުންނަށް ސީދާހެޔޮ މަގު ދައްކައިދޭން ވެއްޖެއެވެ. ވެރިކަމުގައި ތިބިފަރާތްތައް ބަލިކޮށް ލެވޭނެ ގޮތްތަކެއް އީޖާދުކުރާނެ ވަގުތު، ކާރިވަނީއެވެ. އަންނަނީއެވެ. ނިދިންހޭލައްވާށެވެ! ހޭއަރާށެވެ! ﷲ ތައާލާ، އަޅަމެން ސިޔާސީ ލީޑަރުންނަށް، ހެޔޮބުއްދިއާއި މޮޅެތިވިސްނުން ދެއްވާށިއެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page