މިފަހަރަކީ އަހަރުމެންގެ ފަހަރު!
- ilyashusein
- Oct 26, 2009
- 3 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޖުލައި 20މ. ގައި.)
އެއްވެސް ޝައްކެތްނެތެވެ! އެއްވެސް ވަސްވާހެއް ނެތެވެ! “މިފަހަރަކީ، އަހަރުމެންގެ ފަހަރު” މި ޝިޢާރަކީ، ދިވެހިރިޔާސީ ގަނޑުވަރުން، ވަރަށް އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް އުފެއްދި، ފޮރުވިފައިވާ ބޮޑެތި ސިއްރުތަކެއް އެކުލެވިގެންވާ ވަރަށްރީތި ޝިޢާރެކެވެ. ރަމްޒެކެވެ. ސްލޯގަނެކެވެ. ނިދާއެކެވެ. ނަޢުރާއެކެވެ. ބައެއްގެ ގޮވާލުމެކެވެ. ޕާޓީއެއްގެ ގޮވާލުމެކެވެ. ފަހެ، ބޭރުފުށުން ދިވެހި ޖައްވަށް މިޝިޢާރު ގުގުމާލީ، ވަރަށް ފޯރިޔާއި ޖޯޝާއެކުގައެވެ. ރައްޔިތުންގެ ވިންދާއެކު ވެގެންނެވެ. އެއް އަޒުމެއްގައި ގައުމިއްޔަތު ދިރުވުމަށެވެ. އެއް ކުލައެއްގެ ދަށުން، ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ސާކު ސަރަހައްދުގެ ފުޓްބޯޅައިގެ ތަށި ކާމިޔާބު ކުރުމުގެ ވަރުގަދަ ހިތްވަރުގަ އެވެ. ފަހެ، އެކަންތައް ވަރަށް ފުރިހަމައަށް ހާސިލު ވެއްޖެއެވެ. ކާމިޔާބު ވެއްޖެއެވެ. ސަތޭކަ ޕަސަންޓަށްވުރެ މާމަތިން ކާމިޔާބު ކުރެވިއްޖެއެވެ. ދެން ބާކީއޮތީ، ރިޔާސީ ގަނޑުވަރުން މި ޝިޢާރު އުފައްދާއި އުފަންކުރުމުގެ ހަގީގީ މަގްސަދު، ވެރިކަމުގެ ފަރާތުން ކާމިޔާބު ކުރުމުގެ ބަޔެވެ. މިފަހަރަކީ، ރައީސް މައުމޫނުގެ ފަހަރު ކަމުގައި އަނެއްކާވެސް ގަދަބާރުން ހަދާލުމެވެ. ރިޔާސީ އިންތިޚާބު- 2008 ރައީސް މައުމޫނުގެ ފަސާދަވެފައިވާ، މިރެޖީމުން ކާމިޔާބު ކުރުމެވެ. ޒިންބާބުވޭގެ ރައްޔިތުންނަށް އަނިޔާވެރިވާ، އެގައުމުގެ ރައީސް މުގާބޭ ފަދައިންނެވެ. ﷲގެ އިރާދަފުޅުން މިކަމެއް ނުވާނެއެވެ. ވާނީ ނާކލާމިޔާބެވެ. އާދެ! މިފަދަ ޝިޢާރުތަކުން ވަށްކަން ކުރަނީ، ގާނޫނު އަސާސީއާ ޚިލާފަށް އެއްވެސް އިންތިޚާބަކާ ނުލައި، ދިވެހި ދައުލަތުގެ ވެރިކަމަށް ގަދަބާރުން އަރާ، ގަދަވެގަނެގެން އުޅޭ ޑީއާރުޕީންނެވެ. ފަހެ، މިޖަރީމާ އެޕާޓީގެ ފުރަތަމަ ކޮންގުރެސްގައި އިއުލާނު ކޮށްދެއް ވާފައިވަނީ، ރައީސް މައުމޫނު، ރެޖީމު ދެމެ ހެއްޓުމުގެ މުގުލުގައި ހުންނެވި، މިހާރުގެ ޑިފެންސް މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢެވެ. އެޕާޓީން އެއުޅޭ ގޮތުން ރައީސް މައުމޫނުގެ ފަސާދަވެފައިވާ މިރެޖީމަކީ، ޣައިރު ގާނޫނީ ސަރުކާރެއް ކަމުގައި ސިފަކުރަން ދިވެހި ރައްޔިތުންނަށް މަޖުބޫރެވެ.
ފަހެ، ދަންނާށެވެ! މީގެ ކުރިންވެސް މިފަދަ ފޮރުވިފައިވާ މާނަތައް އެކުލެވޭ ޝިޢާރުތައް ޑީއާރުޕީގެ ޣައިރު ގާނޫނީ ސަރުކާރުން ވަނީ، އުފައްދާ ގޮވާލާފަ އެވެ. މިފާޑުގެ ޝިޢާރެއް، 2008 މާރޗް 21 ވަނަދުވަހުގެރޭ ކަލާފާނު ސްކޫލުގައި ބޭއްވި، އެޕާޓީގެ 29 ވަނަ އާންމު ޖަލްސާގައި ވެސް އިއުލާނު ކުރައްވާފައި ވެއެވެ. މިއީ، ޑީއާރުޕީގެ އާންމު ޖަލްސާއެއްގައި ރައީސް މައުމޫނު އޭނާގެ ރެޖީމާއެކު ހާޒިރުވެ އިންނަވައިގެން، ރިޔާސީ އިންތިޚާބު 2008 ގައި ބޭނުން ކުރައްވާނެ ޝިޢާރެއްގެ ގޮތުގައި އިޝްތިހާރު ކުރެއްވި، “މައުމޫނު 2008″ ގެ ނަމުގައި ތައްޔާރު ކޮށްފައިވާ، ބާރެއްގެ ގޮތުގައި އޭނާގެ ވަށައިގެން ތިއްބެވި އެންމެއިސް ފަސް އިބްރާހީމަށް ރަމްޒުކޮށްދޭ، ކަނާއަތަށް ނިސްބަތް ކޮށްފައިވާ އަތްތިލައެވެ. ފަހެ، މިއީ ރައީސް މައުމޫނުގެ އައިޑެންޓިޓީއެއް ކަމުގައި ބޭނުން ކުރުމަށް އެޕާޓީން ނިންމި ސްލޯގަނެވެ. ގޮވާލުމެވެ. ހަނގުރާމަ އެއްގެ ރޮއުމަކުން ރޮމުން، އާދޭސްކޮށް މިގޮވާލަނީ، ހޯހޯއެވެ. އޭއް! އޭއް! ރައްޔިތުންނޭވެ! އެހަށް ކަލޭމެން ހުއްޓޭށެވެ. މަގޭ މިރެޖީމަށް ކުރިޔަށްދާން ތަންދޭށެވެ. އެހެންނޫނީ އޮތީ…… ކުރިމަތި ލުމެވެ. މަށާ ހަނގުރާމައެވެ. ތިމަންނާގެ ރެޖީމު މިއޮތީ، އަތެއްގެ ފަސް އިނގިލި ހަރަކާތް ކުރާހެން، އެއްބާރަކަށް ވެފައެވެ. އެއީ ހުރިހާ އިބްރާހީމުންގެ ޖަމާއަތެވެ. ގާސިމް އިބްރާހީމް، އިލްޔާސް އިބްރާހީމް، ނަސްރީނާ އިބްރާހީމް، އައްބާސް އިބްރާހީމް ފަދަ އިބްރާހީމުން ތަކެވެ. އެންދެރި ކޭންޕުގެ ސިޔާސި ބާރެވެ. ސިޔާސީ ޕާޓީއެވެ. ފަހެ، އެއީ ޖުމްހޫރީޕާޓީ އެވެ. ވަގުތުޖެހުމުން ފެންނާނީ، އެއްމުލައް ދަނޑިން ހަރަކާތްކުރާ ފަސް އިނގިލީގެ ގޮތުގައެވެ. ފަސް އިނގިލީގެ ފަސްބާރަކީ، ބޮޑުއެއްބާރުގެ ގޮތުގައެވެ. މިހާރު ސިޔާސީ މަސްރަހަށް ދަށްކަމުން ގެންދާ ކުލަވަރަކީ، މުޅިންވެސް ސިޔާސީ ކުލަވަރާއި ކުޅިވަރެވެ. އެއްބަޔަކު އަނެއްބަޔަކާ ޖައްސުވާއި، އެއްވަޒީރަކު އަނެއްވަޒީރަކައި ޖެއްސުވީމާ، އަމިއްލައަށް އިސްތިއުފާ ދޭނެއެވެ. ޔާމީނާއި ގާސިމް ވަނީ، ރަނގަޅަށް ޖައްސާއި ފިއްތާފައެވެ. ސިޔާސީ ފޯރިހިފާނީ އޭރުންނެވެ. އޭރުން ރައްޔިތުން ދެކޭނެގޮތަކީ، އަމިއްލައަށް ކޮންމެ މިނިސްޓަރަކު ވެސް އިސްތިއުފާ ދެނީ، ކަމަށެވެ. ފަހެ މިއީ، ރިޔާސީ ވޯޓާދިމާކޮށް ކެބިނެޓް އާކޮށްލުމަށް އޮތް އެންމެމޮޅު ސިޔާސީ އަރަތެވެ. ފަހެ، މިއީ ސިޔާސީ ކުޅިގަނޑަކަށް ކުޅިބައި އަތުރާލުމެވެ. އަދި މޮޅަށް ކިޔަވައިގެން ތިއްބެވި، އެކިއެކި އަތޮޅަށް ނިސްބަތްވާ، ޕީއެޗްޑީ ހޯލްޑަރުން ވަޒީރުންގެ މަގާމުތަކަށް ގެނައުމަށް މަގުފަހި ކުރުމަށް އެޅޭ ހިޔަޅު ބުއްދީގެ ފިޔަވަޅަކަށް ވާނެއެވެ. ހަމަގައިމު ވެސް އޭރުން އެވަޒީރެއްގެ އާއިލާގެ މީހުން، އެއަތޮޅެއްގައި ތާއީދު ދޭނެއެވެ. ސިޔާސީގޮތުން ހަރަކާތްތެރި ވާނެއެވެ. ކެލާވަޒީރުގެ ބަސްއަހާ މީހުން ކެލާގައި ތިބޭނެއެވެ. ތިނަދޫ ވަޒީރުގެ ބަސް އަހާ އާއިލާއެއް ހަމަގައިމު ވެސް ތިނަދޫގައި އޮންނާނެއެވެ. މިފަދަރޭވުންތައް ދެނެގަތުމަކީ، ރައްޔިތުންގެ ކަމެއްކަން އަބަދުވެސް ހަދާން ބަހައްޓަން ވާނެއެވެ.
ދެންފަހެ، ދަންނާށެވެ! އިލްމީ ފެންވަރެއްގައި ހުޅުވާލެވި ފައިވާ އަތްތިލައަކަށް ނަޒަރުކޮށް ބަލާއިރު، މިއީ، ސީދާ ޝީޢީ މަޒުހަބަށް ތަބާވާ، އިސްލާމް ދީނުން ބޭރުވެފައިވާ ހަރުކަށި ވަކިދީނެއް ގެންގުޅޭ ބައެއްގެ މުގައްދަސް ރަމްޒެކެވެ. މާތް ޝިޢާރެކެވެ. ފަހެ، ރައީސް މައުމޫނު ނެރުއްވާ މިފަދަ މުގައްދަސް ޝިޢާރުތަކުން ދިވެހި ރައްޔިތުން މިހާރުތިބީ، ހޭއަރަ އެވެ. ހަދާނުހަދައެއް އޮޅުންފިލަ އެވެ. ރޯފިލައެވެ. ނިދާފައެއް ނޫނެވެ. ކުރީދުވަސް ތަކުގައި އޮޅުވާލެވުނަސް މިހާރަކު އޮޅުވައެއް ނުލެވޭނެއެވެ. ފަހެ ދަންނާށެވެ! ވިއްސި ވިހާލިވެ ބަލިވާނީ، މަދުބަޔެކެވެ. ގަދަފަދަވެ މޮޅުވާނީ ގިނަބަޔެކެވެ. އެއީ ފަހެ، ދިވެހި ރައްޔިތުންނެވެ. ދިވެހި ރައްޔިތުން ނަށް ފަށްފަށުން ސާބަހެވެ. ހިތްވަރު ދެމެވެ. މުޅިގައުމު ރަތްކުލައިގެ ހެދުމާއި ލިބާހުގައި ތިބެ، އެއްޓީމެއްގެ ބާރެއްގެ ގޮތުގައި އިއްތިހާދުވެ ތިބެ، މާސިންގާ އިންޑިޔާ ބަލިކޮށް، ފުޓުބޯޅައިގެ ތަށި، ކާމިޔާބު ކޮށްފިއެވެ. ބަފާ ކަމުގައިވާ އިންޑިޔާ ސިއްސުވާ ލައިފިއެވެ. ފަހެ، މިފަހަރަކީ، ހަގީގަތުގައި ވެސް އަހަރުމެން ދިވެހިންގެ ފަހަރު ކަމުގައި ހަދައިފިއެވެ. ރައީސް މައުމޫނާއި އޭނާގެ ރެޖީމުން، އުފައްދައިދިން މިޝިޢާރު މިހާރުވަނީ، ދިވެހި ރައްޔިތުންގެ ވަރަށް ގިނަބަޔަކު، އެމީހުންގެ މުގައްދަސް ރަމްޒެއްގެ ގޮތުގައި ހިތުގެ އަޑިން ގަބޫލުކޮށް ބަލައި ގަނެފައެވެ. ހިތާއި ސިކުޑީގައި ބިންވަޅު ނަގާފައެވެ. އެއީ ބޮޑުބަދަލެއް ގެނައުމުގެ ބޭނުމުގައެވެ. ބަދަލުކޮށް ލުމުގެ މަގްސަދުގަ އެވެ. އެއްފުށުން އަނެއްފުށަށް ޖަހާލުމުގެ އެދުމުގައެވެ. ރައްޔިތުންގެ ބާރު ރައްޔިތުންނަށް މިލްކުކޮށް ދިނުމަށެވެ. ރައްޔިތުންގެ އެންމެހައްގު މުދާ ކަމުގައިވާ ފަޅުރަށްތަކާއި ފަޅުތަކާއި ގިރިތަކާއި ފިނޮޅުތައް ރައްޔިތުންނަށް ހިއްސާވާ ގޮތަށް ބަދަލުކޮށް ލުމުގެ ބޭނުމުގައެވެ. ރާއްޖޭގެ އެތަން މިތަނުން، މިޝިޢާރު މިހާރުދަނީ، އެކިކުލަ ކުލައިން ފަވާލެވި ފައިހުއްޓާ ފެންނަމުންނެވެ. ބައެއްރަށް ރަށަށް ބަނދަރު ކުރާއިރު، އެންމެ ފުރަތަމަ ފެންނަނީ، މިޝިޢާރެވެ. “މިފަހަރަކީ، އަހަރުމެންގެ ފަހަރެވެ.” މި ގޮވާލުމުގެ ދަށުގައި ރިޔާސީ އިންތިޚާބު 2008 ގައި އިސްވެ ހަރަކާތްތެރި ވުމަށް މިހާރުވަނީ، ހުރިހާ ގަބީލާތައް ހިމެނޭ، ޖަމާޢަތްތައް އުފެދިފައެވެ. ވުޖޫދަށް އައިސް، އެކި އަތޮޅުތަކުގައި، ހަރަކާތްތެރި ވާންފަށާފަ އެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ، ގދ.ގައްދޫ ގައި، މިޝިޢާރުގެ ދަށުން އުފެދިފައިވާ، ތަފާތު މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ހަރަކާތެވެ. އިރާދަ ކުރެއްވިއްޔާ ﷲގެ އިރާދަފުޅާއި ވާގިފުޅާއެކު، ކާމިޔާބު ވާނެއެވެ. މިޖަމާޢަތުގައި ކުދިބޮޑު އެންމެންނާއި ހުރިހާޕާޓީ ތަކަށް، ހަމްދަރުދީވާ މީހުންނާއި ރަށުގެ އެކިގަބީލާތަކުގެ މީހުން ހިމެނެއެވެ. ފައިސާ ވެރިންގެ އެޖެންޓުން ވެސް ހިމެނެއެވެ. އެމީހުންގެ ހިތުގެ އެންމެއަޑީގައި އޮތީ، މިފަހަރު ބަދަލު ގެނައުމެވެ. ރައީސް މައުމޫނުގެ ވެރިކަމަށް ބަދަލު ގެނައުމެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑު ދަންނަވާނީ މިފަހަރަކީ، ހަމަ އަހަރުމެންގެ ފަހަރެވެ. ލޮބުވެތި ދިވެހި ރައްޔިތުންގެ ފަހަރެވެ. ބޮޑު ބަދަލުގެ ފަހަރެވެ. ރައީސް މައުމޫނާއި އޭނާގެ ރެޖީމުގެ ފަހަރެއްނޫނެވެ. ޝައްކެތް ވަސްވާހެއް ނެތްގޮތުގައި ދިވެހި ރައްޔިތުންގެ ފަހަރަށް، މިފަހަރު އެބަ ހަދަން ޖެހެއެވެ. ބަދަލު ގެންނަން ޖެހިއްޖެއެވެ. ފަހެ މިފަހަރު އެކަން ކާމިޔާބުކޮށް، ފުރިހަމަ ކުރުންއޮތީ، ދިވެހި ރައްޔިތުންގެ ހިތާއި ސިކުޑީގައި ބިންވަޅު ނެގިފައިކަން ކަށަވަރެވެ. ފަހެ، ހޭއަރާ ތިބެ، ބޮޑުބަދަލެއް ގެންނަމާތޯއެވެ. އޭ! ﷲ އެވެ! ދިވެހިންގެ މިއަޒުމް ކާމިޔާބުކޮށް ދެއްވާށިއެވެ! ރާއްޖޭގެ ވެރިކަން ބަދަލުކޮށް ދެއްވާށިއެވެ! އާމީން!


Comments