top of page

މައުލޫމާތު ބަލިކޮށްލެވޭނީ، މައުލޫމާތުންނެވެ.

  • Writer: ilyashusein
    ilyashusein
  • Oct 10, 2009
  • 6 min read

އިލްޔާސްހުސައިންއިބްރާހީމް. (ލިޔުނީ:17 މެއި 2008މ. ގައެވެ.)

ނޯޓް: މިމަޒްނޫނަކީ، “މިނިވަން” ނޫހުގައި ޖަހައި ނުދީފައިވާ މަޒްނޫނެކެވެ. ޒާތީވެފައިވާތީ، ޖަހައިދެވެން ނެތްކަމަށް މިނިވަން ނޫހުގެ އެޑިޓަރު ވިދާޅުވެއެވެ. ފަހެ، އެހެން ވިދާޅުވާއިރު މިމަޒްމޫނަކީ، އެނޫހުގައި އަޅުގަނޑުގެ ޒާތާބެހި ލިޔެފައިވާ ލިޔުމަކަށް ދެވުނު ރައްދެއްކަން ހަދުމަފުޅު ނެތުނީމާ ހިތާމަކުރަމެވެ. މިއީ މިނިވަން ނޫހުގައި ޖަހައިނުދިން އަޅުގަނޑުގެ ދެވަނަ މަޒްމޫނެވެ. ފުރަތަމަ މަޒްމޫނަކީ، އަޅުގަނޑު ލިޔުނު، “އިއްތިހާދު ހަރުދަނާކުރުން” މިމަޒްމޫނެވެ. އިއްތިހާދު ރޫޅިދިޔައީ އެމަޒްމޫނުގައި އަޅުގަނޑު ފާހަގަކޮށް ފައިވާ ޚިޔާލާއެއް ގޮތަށެވެ. ފަހެ މިމަޒްމޫނުތައް މިނިވަންނޫހުގައި ޖަހައިނުދިނުމަކީ، “ފްރީޑަމް އޮޮފް އިންފޯރމޭޝަން” އެނޫހުން، ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާކަމުގެ ދަލީލެކެވެ. އެސަންދާނު މަޖައްލާއަށް މިމަޒްމޫނު މިފޮނުވަނީ ޝާއިއުކޮށް ދޭނެ ކަމުގެ ވަރަށްބޮޑު އުންމީދަކާ އެކުގައެވެ. “އެސަންދާނު” މަޖައްލާއަށް ވަރަށް ޝުކުރުވެރި ވަމެވެ. އަދި ވަކިފަރާތަކަށް ނުޖެހި، މައުލޫމާތު، އޭގެ އެންމެ މިނިވަންކަމާއެކު ފެތުރުމަށް ތިޔަކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ހިތްވަރާއި ސާބަސް ދެމެވެ.

ދަންނާށެވެ! ދުނިޔެ އާބާދުކުރަށްވައި، ޖިންނީންނާއި އިންސީން އުފެއްދެވީއްސުރެ މައުލޫމާތަކީ، އެކިގޮތްގޮތަށް ފެތުރި، އެކިސިފަ ސިފާގައި ބަދަލު ކުރެވެމުންދާ، ވަރަށް މުހިންމު އަދި ވަރަށް ހައްސާސީ ބާވަތެކެވެ. އިންސާނާގެ ވިންދާއި އިހްސާސްތަކާއި މިޒާޖައި ލާމެހިފައިވާ އެއްޗެކެވެ. ދިރިއުޅުމުގެ ވަށްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު، އެކި ދުވަސްވަރު މައުލޫމާތު ފެތުރިފައިވަނީ އެކި ގޮތަށެވެ. އެކި ވަށްތަރަށެވެ. އެކި ބީދައަށެވެ. ފަހެ، ދިވެހި ރާއްޖެއަށް ބަލާލާއިރު، އަތުން ލިޔެގެން އެންމެފުރަތަމަ މައުލޫމާތު ފެތުރުމަށް މަޖައްލާ އެއް، “ހުޅަވިހަނދު” މިނަމުގައި ނެރެވުނީ، 1930މ، ގައެވެ. ފުރަތަމަ ފަހަރަށް ޗާޕުމެޝިނެއް ރާއްޖެ އެތެރެ ކުރެވުނީ، 1932މ. ވަނަ އަހަރުގަ އެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ލިޔެވެމުންދިޔަ ދުވަސްވަރުގަ އެވެ. މިއީ، ސ.އަތޮޅު ހުޅުދޫ އެޅެހެށިގޭ ފަނޑިޔާރު ތައްޚާނުގެ އައްޝައިޚު ދޮންމަނިކު (އައްޝައިޚު އިބްރާހީމް ބަހާއުއްދީން) އެތެރެ ކުރެއްވި މެޝިނެކެވެ. ދިވެހި ބަހުން ފުރަތަމަ މަޖައްލާއެއް ނެރުއްވީ، އައްޝައިޚު ހުސައިން ސަލާހުއްދީނުގެ މުހައްރިރު ކަމުގެ ދަށުގައި، 8 ޖުލައި 1933މ، ގައެވެ. އަދި އެންމެ ފުރަތަމަ ނޫހެއް ނެރެފައިވަނީ، ތިލަދުނަމަތީގަ އެވެ. އެއީ އަލްފާޟިލް ވަޑިދޮންމަނިކު އަތޮޅުވެރި ކަމުގައި، 1953މ. ވަނައަހަރު “ތިލަދުންމަތީޖައްވު” މިނަމުގައެވެ. ދެވަނަ ބޮޑުހަނގުރާމާއިގެ ދުވަސްވަރު ހަނގުރާމައިގެ ޚަބަރުތައް ދިވެހީންނަށް އަންގައިދިނުމަށް “ސަރުކާރުގެ ޚަބަރު” މިނަމުގައި 1942މ، ގައި ނޫހެއް ނެރެވުނެވެ. ރާއްޖޭގައި ޗާޕުކޮށްގެން ނޫހެއް މެދުވެރިކޮށް، މައުލޫމާތު ފަތުރަންފެށުނީ، “ވިޔަފާރިމިއަދު” މިނަމުގައި، 19 ސެޕްޓެންބަރު 1956މ، ގައެވެ. ދެން، އެހިސާބުން ފެށިގެން މައުލޫމާތުދިޔައީ ވަރަށް އާންމުކޮށް، ފެތުރެމުންނެވެ. ފަހެ، 1989މ، ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ވިދާޅުވެފައިވެ އެވެ. “މިއަދު ބޭނުންވަނީ، އަޅުގަނޑުމެން އަމިއްލައަށް ހަދައިގެން މިއުޅޭ ތޮށިގަނޑު ފަޅާލާފައި ހަމަވައިގެ ތެރެއަށް ނުކުތުމަށެވެ.” މިކަން ވެގެން ދިޔައީ މިރާއްޖޭގައި މައުލޫމާތު ފެތުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރަކަށެވެ. އަދި ދިވެހި ނޫސްވެރިކަން ދުނިޔޭގެ ހުޅުވިފައިވާ ޖައްވުގެ ތެރެއަށް ދޫކޮށްލެވުނު ކޮތަރެއްހެން މިނިވަންކަމާއެކު އުދުހެން ފެށުމަށެވެ. މިއަދު މިފެންނަނީ، އެފެށުނު މިނިވަން ނޫސްވެރިކަމާއި ލިޔުންތެރިކަމެވެ.

ދެކެދެނެތިބެ ދަންނާށެވެ! މައުލޫމާތު ފޯރުކުރުމުގައި، މައުލޫމާތުދޭ މަސްދަރު ވަރަށް ސާފުކޮށް ފައުޅުގައި އެނގުމަކީ، ފުރިހަމަ މައުލޫމާތުގެ ބިންގަލެވެ. އަސާސެވެ. މައުލޫމާތުދޭ ފަރާތް، ނުވަތަމީހާ ވަރަށް ސާފުކޮށް، އެއްވެސް އޮޅުމެއްނެތި އެނގެން ޖެހޭނެއެވެ. އެފަރާތެއްގެ ހަގީގީ ނަމުންނެވެ. ނުވަތަ އެމީހެއްގެ ގަލަމީ ނަމުންނެވެ. ގަލަމީ ނަމަކީ، އެމީހާގެ ތަޚައްލުޞެވެ. ގަލަމީ ނަމުން އެމީހަކު މަޢްރިފާވާން ޖެހޭނެއެވެ. އެއީ، ކާކުކަން އޮޅުންފިލަން ޖެހޭނެއެވެ. ހަގީގަތުގައި، ހަގީގީމީހާ ނޭނގޭ ނަންތަކަކީ، ގަލަމީ ނަމަކަށް ނުވާނެއެވެ. ހަގީގީނަން، ނުވަތަ ގަލަމީނަން ފިޔަވައި މިނޫންގޮތްގޮތަށް ވަންހަނާކޮށް، ފޮރުވި ތިބެގެން ހާމަކުރާ މައުލޫމާތަކީ، ނުވަތަ ލިޔުންތަކަކީ، އޭގެ ހަގީގީފައިދާ ކުރާނެ މަސައްކަތެއް ނޫނެވެ. ސައްހަކަން ހޯދައިނުގަނެވޭނެ އެއްޗެކެވެ. ފަހެ އެއީ، ފަސާދަ އާއި ފިތުނައަށް މަގުފަހި ކުރުމެވެ. ރަނގަޅު ނިޔަތުގައިދެވޭ މައުލޫމާތެއް ހާމަކޮށްދޭފަރާތް، ސިއްރުކުރުމުގެ ފަހަތުގައި ފޮރުވިފައިވާ އެއްޗަކީ، ޚާލިސްފިތުނަ އާއި އަނގުރު އަލިފާންފަދަ ފަސާދައެވެ. ދެވަނަދޭއްޗެއް ނޫނެވެ. ފަހެ، މައުލޫމާތުން، މައުލޫމާތު ބަލިކޮށްލެވޭނީ، ތޮށިގަނޑުން ނުކުމެހުރެ ފާޅުގައި މައުލޫމާތު ދިނުމުންނެވެ.

ފަހެ، ދަންނާށެވެ! 2003މ، ވަނަ އަހަރު “ދިވެހިއޮބްޒާވަރު” ކިޔާ ދިވެހިބަހުން ނެރޭ ވެބްސައިޓެއް، ނެރޭފަރާތް ފާޅުކޮށް އެނގޭގޮތަށް މުޅިދުނިޔޭގެ ވިޔުގަތެރެއަށް ދޫކޮށްލުމުން، ރައީސް މައުމޫނުގެ ސަރުކާރުން، އެސައިޓު ރާއްޖޭގައި ބެލުން މަނާކޮށް، ގޮތްނޭނގޭ އަމިއްލަ ސައިޓުތަކެއް ވުޖޫދަށް ގެނައެވެ. ފެކްޓްމޯލްޑިވްސް ޑޮޓްކޮމްގެ ނަމުން ސައިޓެއް، ރާއްޖޭގެ ފުލުހުންގެ ބެލުމުގެ ދަށުން އުފެއްދެވިއެވެ. އަދި ރިޔާސީ ގަނޑުވަރުގެ ޝާހީބޭފުޅުންގެ ބެއްލެވުމުގެ ދަށުން ސިފައިންގެ އެހީތެރިކަމާ އެކު، ދަމޯލްޑިވިއަން ޑޮޓްއޯއާރުޖީ ވުޖޫދަށް ގެނެސް ފްރޮޕެގެންޑާތަކެއް ސިއްރިއްޔާތުގައި ފަތުރާއި ހިންގިއެވެ. އަދި ސަރުކާރާ ގުޅިފައިވާ އެހެން ސިޔާސީ ފަރާތްތަކުން ވެސް، ކޮއިމަލާ ޑޮޓްކޮމް އާއި ދިވެހިވިންދު ޑޮޓްކޮމް ފަދަ މީހުންގެ ޒާތާބެހޭ ބޭކާރު ސައިޓުތައް އެބަގެންގުޅެ އެވެ. މައުލޫމާތު ފަތުރާފަރާތް ނޭނގޭގޮތަށެވެ. ފަހެ މިގޮތަށް ދެވޭ މައުލޫމާތަކީ، ފިތުނައާއި ފަސާދައެވެ. ދަމޯލްޑިވިއަން އާއި ފެކްޓް މިހާރުވަނީ ގަނޑުވެ ގަލަށްވެފައެވެ. މިއަންނަމުންދާ ގުޅިގެން ހުއްޓިފައެވެ. މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެމަސައްކަތުގެ ބަދަލުގައި މިހާރު މަސައްކަތް ފަށާފައިވަނީ، މުޅިން އެހެން ސިފައަކަށެވެ. ދާދިފަހުން މަގުމައްޗަށް “ހަމަހިމޭން އިންގިލާބު-2008″ ގެ ކުރެހުމެއް އޭފޯސައިޒުގެ ކަރުދާހެއްގައި ވަނީ، ވަރަށް ބައިވަރު އަޅާފައެވެ. އެކަރުދާސް ސިފަކޮށްދޭ ގޮތުން މިގައުމުގައި ސަރުކާރާ އިދިކޮޅެއް ނެތެވެ. މުޅިންވެސް ތިބީ ރައީސް މައުމޫނަށް ހަމްދަރުދީވާ ސިޔާސީ ފަރާތްތަކެވެ. ރިޔާސީ އިންތިޚާބު 2013 އަށް ދަށްކާފައިވަނީ، ރައީސް މައުމޫނުގެ ދޮށީ ދަރިކަލެކެވެ. ވަރަށް ދުރާލައި މިނެރެނީ މުޅިން އާވަށްތަރެއްގެ ސުންޕާ ފިކުރެކެވެ. މިކަމަށް ޚަރަދު ކުރައްވަނީ އެންދެރިމާގެއަށް ހަމްދަރުދީވެ ވަޑައިގަންނަވާ ބޮޑު މަހުޖަނެކެވެ. ފަހެ، ދަންނާށެވެ! ރާއްޖޭގެ ސިޔާސީ މަސްރަހު، މިހާރު މިއޮތީ، އިންތިހާއަށް ހުޅުވާލެވިފަ އެވެ. ވަރަށް މިނިވަން ކޮށެވެ. ދުނިޔެވަށާ ޖެހިފައެވެ. މިކަން މިހާލަތުގައި އޮތުމުން އަޅުގަނޑު ދަންނަވާނީ، މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން މުޅިން ހުއްޓާލަން ވެއްޖެއެވެ. ލިޔާލިޔުން ތަކުގެ އަސަރު ސީދާފޯރާގޮތަށް ފާޅުގައި ނުކުމެ، ފެންނަންތިބެގެން ލިޔަން ފަށަން ވެއްޖެއެވެ. ފަހެ، އޭރުން މުޖްތަމަޢަށް ސީދާކޮށް އަސަރުކުރާލެއް ބޮޑުވާނެއެވެ. އުފެދިބޮޑުވަމުން އަންނަ ތާޒާޖީލަށް ފައިދާ ކުރާލެއް ބޮޑުވާނެއެވެ. އަންނަން އޮތް ކުޅަދާނަ، ކުރިއަރާފައިވާ ޒުވާންޖީލަށް، ފިތުނައާއި ފަސާދައިން ޚާލިސްވެފައިވާ ސާފުތާހިރު، ރީތިވެއްޓެއް ވާރުތަކޮށް ދެވޭނެއެވެ. ތޮށިގަނޑެއްގެ ތެރޭގައި ފޮރުވިގެންތިބެ ހާމަކޮށްދޭ މައުލޫމާތު ބަލައިގަންނަލެއް މާމަދުވާނެއެވެ. މާދަށްވާނެއެވެ. ފުލޯކުވާހަކަ އެއް ކިޔާލުމެކޭ އެއްގޮތްވާނެ އެވެ. ފަހެ ދަންނާށެވެ! މައުލޫމާތުން މައުލޫމާތުބަލިކޮށް، މުޖްތަމަޢުގެ ފޭރާން ރީތިކަންމަތީގައި މުއްސަނދިކޮށް ދިނުމަކީ، މުޖްތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލެވެ. އަސާސެވެ.

ދެންފަހެ، ދެކެދެނެތިބެ ދަންނާށެވެ! މީގެ ހެތްކަކަށް، 15 މެއި 2008މ، (ބުރާސްފަތި) ދުވަހު ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި، އެމްޑީޕީ ރިޔާސީ ކެނޑިޑޭޓް-2008 އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އިތުރު ދެބައިވެރިއަކާއެކު ދެއްވި މައުލޫމާތުތައް ފުދެއެވެ. ފަހެ، އެމްޑީޕީއާބެހޭ ގޮތުން، އެމްޑީޕީގައުމީ މަޖިލީހުގައި ހިމެނޭ ބަޔަކު، ޕާޓީގެ އެތެރޭގެ ސިޔާސަތާ ގުޅިގެން އެކިގޮތް ގޮތަށް މައުލޫމާތު ފަތުރާފައި ވަނިކޮށް، އަންނި އެދެއްވި މައުލޫމާތަކީ، މިކަމުގެ ރީތިމިސާލެއްކަން ކަށަވަރެވެ. ޝައްކެއްނެތެވެ! އެމްޑީޕީއަކީ، އަންނިއެވެ. އަންނިއަކީ، އެމްޑީޕީއެވެ. މިދޭއްޗެއް ވަތްކެއް ނުކުރެވޭނެއެވެ. ފަހެ އެހެންވުމުން، އެމްޑީޕީ ދިރުވައި ނަގާކޮޅަށް ޖެހުމަކީ، އަންނިގެ މައްޗަށް ލާޒިމު ކަމެކެވެ. އަޅުގަނޑުގެ ރޫހާއި ބަހުން އަބަދުވެސް ހިތްވަރުދީ ތައުރީފު ކުރާނަމެވެ. ފަހެ، ދަންނާށެވެ! މިއިންލިބޭ ފިލާވަޅަކީ، މައުލޫމާތު ބަލިކޮށްލެވޭނީ، މައުލޫމާތުންކަން ސާބިތުވުމެވެ. އުފާކޮށް ޝުކުރު ދަންނަވަން ޖެހެއެވެ. ބައެއްލިޔުން ތެރިން، މިކަންތައް އޮންނަން ވީގޮތަށް އަމިއްލަ ނަމުގައި އެމީހެއްގެ ފެންވަރުން ވަރަށް ރަނގަޅަށް ލިޔުއްވާ ހައްދަވާތަން އެބަފެނެއެވެ. މީގެ ހެތްކަކަށް މިނިވަން ނޫހުގެ “ތަނބު” ސަފުހާގައި ފެންނަން އެހުންނަ “ﷲގެ އިސްމުފުޅުން ފަށަމެވެ. އިންސާފު” މިސުރުޚީގެ ދަށުން އައްޝައިޚު އާދަމް ނަސީމް ބީއޭ ލިޔުއްވާފައި ހުންނަ ލިޔުންތައް ފުދެއެވެ. އިވޭގޮތުގައި މިއީ، ވަރަށް މަދުބަޔަކު ކިޔާ ލިޔުން ތަކެކެވެ. ޝައިޚުގެ ހިތަށް ފެނިވަޑައި ގަންނަވާ އެއްޗެއް، އަމިއްލަފުޅު ނަމުގައި ވަރަށް ސާފުކޮށް ލިޔުއްވާތީ، ފުރިހަމަ މައުލޫމާތަކަށް ވާނެއެވެ. މިގޮތަށް ލިޔުއްވުމުން، ތެދުތޯ ދޮގުތޯ ނިންމައި ހަގީގަތްހޯދައި ގަބޫލުކުރުން އޮންނާނީ، ކިޔުންތެރިންގެ އަތްމަތީގަ އެވެ. ވަރަށް ރަނގަޅެވެ. ޝުކުރު ހުއްޓެވެ! އާންމުކޮށް މިލިޔުންތަކަކީ، ވަރަށްގިނަ ލިޔުންތަކަށް ރަށްދުދެއްވާފައި ހުންނަ ލިޔުންތަކެ ކެވެ. 10 މެއި 2008މ، ދުވަހު މިނިވަން ނޫހުގައި އަޅުގަނޑު ލިޔުނު “ޙަސަނާއި އަންނިއަކީ، ވެރިކަމަށް އެންމެ ކަމުދާ ޖޯޑުތޯއެވެ؟” މިލިޔުމަށް ސިލްސިލާ އެއްގެދަށުން 11 މެއި 2008މ، އާއި 13 މެއި 2008މ، މިދެދުވަހު، މިނިވަން ނޫހުގެ ތަނބު ސަފްހާގައި ﷲގެއިސްމުފުޅުން ފަށްޓަވައި އިންސާފުކަމަށް ވިދާޅުވެ، އަޅުގަނޑުގެ ޒާތާބެހޭ ގޮތުން ލިޔުންވާފައި ވަނީ، “ޝައިޚުގެ ޚިޔާލުފުޅަށް ވެރިވާ އޭނާގެ އަމިއްލަފުޅު ވަސްވާސް ތަކެކެވެ. ބައިގަނޑެއްގެ ޝައިޠޯނީ ވަސްވާހެކެވެ. އެއީ، ހަގީގަތެއް ނޫންކަން އެވާހަކަތައް ވިދާޅުވާ ކޮންމެ ބޭފުޅަކަށް ވިސްނިވަޑައި ގަންނަވާނެއެވެ.” އަދި މީގެ ފަހުން އެސިލްސިލާގެ ބޮޅުތައް އިތުރަށް ލިޔުއްވާނީ، ޝައިޚުގެ އުމުރަށް ކަމުގައިވެސް ވެދާނެއެވެ. ހަމަގައިމުވެސް، އަޅުގަނޑުގެ ލިޔުމުގައި ހަވާލާދީފައިވާނީ، ކުރީގެބަންޑާރަ ނައިބެއް ކަމުގައިވާ ޑޮކްޓަރ ޙަސަން ސަޢީދުއާ ބެހޭގޮތުން، ޝައިޚު ނަސީމް މީގެކުރިން ލިޔުއްވާފައިހުރި ލިޔުންތައް މުޠާލިޢާކޮށް ލެއްވުމަށް، ކިޔުންތެރީން ނަށް ދެންނަވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޚާއްސަ، އަދި ވަރަށް ރަސްމީ ޖަލްސާއަކަށް ތައްޔާރުވުމުގެ ގޮތުން، އެމަޖިލީހުގެ މެންބަރުންނާ އެކު، ރިޔާސީ ކެނޑިޑޭޓް-2008 އަންނި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކުރެއްވުމާއި އެރަސްމީ ޖަލްސާއަށް ފަހު، މެންބަރުންނާއެކު އަންނި ދެއްކެވި ވާހަކަފުޅުތައް ޖުމްލަކޮށް ޝާމިލްކޮށްގެން މިހުރިހާ ކަމަކާއެކު ގައުމީ މަޖިލީހުން ނިންމި ނިންމުމަކަށް ބަލާލާފަ އެވެ. ނެގުނު ވޯޓާއި ހުށަހެޅުނު ގަރާރަކީ، މިހުރިހާކަމެއްގެ ނަތީޖާކަމަށް ވާތީ، އެގޮތަށްމާނަކޮށް ގައުމީމަޖިލީހުގެ ވާހަކަ އެގޮތަށް ހަވާލީދީ ދެންނެވީ އެވެ. މިއީ ދޮގެއްނޫނެވެ. މުޅިން ތެދު ހަގީގަތެވެ. ހަމަހޭގައި ހުރެ ޝައިޚް ނަސީމަށް ދަންނަވަމެވެ! 1 މެއި 2008މ، (ބުރާސްފަތި) ދުވަހުރޭ އޮތް، ގައުމީ މަޖިލީހުގެ ޚާއްސަ ކުއްލި ޖަލްސާ ބޭއްވުނީ، ހަސަނުގެ ރަނިންމޭޓަކަށް އަންނި މުވަށް އެތައް މަޝްވަރާތަކެއް ގައުމީ މަޖިލީހުގެ މެންބަރުންނާއެކު، ކުރެވި އިއްތިފާގު ވެވިގެންނެވެ. އެމަޝްވަރާތަކުގައި ޝައިޚް ނަސީމް ވެސް އިންނެވިއެވެ. އަދި ކުއްލިގަރާރު ހުށަހެޅުނީ، އެމަޝްވަރާ ތަކުގެ ދަށުން ވަރަށް ރަނގަޅަށް ރޭވިގެންނެވެ. ފަހެ މިބައި ތަކަކީ، ގައުމީ މަޖިލީހުގެ ކުއްލިޖަލްސާގެ ތަމްހީދީބައެވެ. ހަގީގަތުގައި ޖަލްސާގެ ފެށުމެވެ. ފަހެ، މިމަޝްވަރާ ތަކުގައި ހަސަނަށް ތާއީދުކޮށް، އަންނި ރަނިންމޭޓަކަށް ވީމާ، ނުކުންނާނެ ފައިދާތަކުގެ މައްޗަށް ވާހަކަ ދެކެވުނެވެ. އެވާހަކަތަކުގައި ޝައިޚު ނަސީމު ދެއްކެވި ވާހަކަފުޅުތައް ޝައިޚުގެ ހަދާނުގައި ހަމަގައިމުވެސް އަދި ހުންނާނެއެވެ. ދޮގެއް ނުކުރެއްވޭނެ އެވެ. އަޅުގަނޑު ގައުމީ މަޖިލީހުގެ އެބައްދަލު ވުމަށް ހަވާލީފައި އެވަނީ، ކުއްލި އެބައްދަލު ވުމުގެ ތަމްހީދީ ބަޔާއި ފަހުން ހިނގާދިޔަ އެބައްދަލުވުމާ ގުޅޭބައިތަކާ ހުރިހާބައެއް އެކުގައި ޖުމްލަކޮށެވެ. ފެށުމުގެ މަޝްވަރާތަކާއި ނިމިގެން ހިނގި މަޝްވަރާގެ ބައިތަކާ މިހުރިހާ ކަމެއް އެކުގައެވެ. ޝާމިލުވާގޮތަށެވެ. ފަހެ، މިނިވަން ނޫހުން މިކަން ފާހަގަކޮށް، ފޯނުން އަލްފާޟިލާ އާއިޝަތު އާނިޔާ، އަޅުގަނޑައި ގުޅުއްވައި މިކަން ހަދާންކޮށް ދިނީމާވެސް އަޅުގަނޑުގެ މަޒުމޫނުގައި ލިޔެހަވާލާދީފައި އޮތްގޮތަށް ބަދަލެއް ނުގެނެސް ބޭއްވީ، މިމަގްސަދުގައި ލިޔެފައިވާ، ވާހަކައަކަށް ވާތީއެވެ. އެހެންވެ މިޕޮއިންޓަކީ، ކޮންމެހެންވެސް މިނިވަން ނޫހުގެ އަހުލުވެރީންނަށާއި ކިޔުންތެރީންނަށް ފޯރުކޮށް ދޭންޖެހޭ ޒަރޫރީ މައުލޫމާތަކަށް ވާތީ، މިމަޒުމޫނު ލިޔަން މަޖުބޫރުވީއެވެ. ކުރީގެ ދެބަންޑާރަ ނައިބުން ކަމުގައިވާ ޑޮކްޓަރ މުހަންމަދު މުނައްވަރާއި ޑޮކްޓަރ ހަސަންސައީދު ރާއްޖޭގެ އިދިކޮޅުހަރަކާތާ ގުޅިވަޑައިގަތުމަކީ، އިސްލާމީ ވަރުގަދަ ބަޠޮލެއްކަމުގައިވާ، ﷲ ރުއްސުންލެއްވި ޚާލިދު ބިންވަލީދު، ކުފުރުގެ ހާލަތުގައި ހުންނެވުމަށް ފަހު، އިސްލާމްވެ ވަޑައިގަތުމާ އެއްވަރު ކުރެވޭނެ ކަމެއްތޯއެވެ؟ ނުވަތަ އެއްވަރުވާނެ، އެއްފެންވަރެއްގެ ކަމެއްތޯއެވެ؟ އެއްގޮތަކަށް ވެސް މިއީ އެއްވަރުކުވޭނެ، އަދި އެއްވަރުކޮށް ގެންވެސްވާނެ ދެކަމެއް ނޫނެވެ. މުނައްވަރާއި ހަސަނުގެ ދެހާލަތުގައިވެސް އަމާޒަކީ، މާއްދިއްޔަތެވެ. ވެރިކަމެވެ. ﷲގެ މަގެއްނޫނެވެ. ދީނީޝައިޚުން މިކަހަލަ ވާހަކަ ދެއްކަވާތީ، ހައިރާން ވާންޖެހެއެވެ.

ފަހެ، ދަންނާށެވެ! ދެން އެއަށްފަހު، ޝައިޚު ނަސީމި ލިޔުއްވާފައިހުރި ހުރިވާހަކަ ފުޅުތަކަކީ، އެންމެދަށް ފެންވަރުގެ މަގުމަތީ އެކްޓިވިސްޓުން ޒާތީގޮތުން އަރާރުންވުމުގައި ބޭނުންކޮށް، ދަށްކާޒާތުގެ ކަމާނުބެހޭ ވާހަކަތަކެ ކެވެ. ހަގީގަތެއްނެތް ވާހަކަތަކެކެވެ. ޝައިޚުނަސީމުގެ ޚިޔާލީ ވަސްވާސްތަކެކެވެ. ފެންވަރެއްނެތް، ހުސް ވާހަކަތަކެކެވެ. ބޭކާރުވާހަކަ ތަކެކެވެ. އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރެއިން ބަޔަކު މީހުން ޝައިޚްނަސީމް ލައްވާކުރުވާފައިވާ ކަމަކާ ވަރަށް ވައްތަރުވެއެވެ. މިހެން ދަންނަވަން ޖެހެނީ ޝައިޚް ނަސީމުގެ ޒާތުގައި މިފާޑު ނެތިފާއި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝައިޚް ނަސީމަކީ ވަރަށް މާތް ތެދުވެރު މީހަކަށް ވާތީއެވެ. އަޅުގަނޑަށް ޔަގީނެވެ. ކޮންމެވެސް ދުވަހަކުން މިކަމާ ޑޮކްޓަރ ވަހީދުގެ އަރިހުން ޝައިޚް ނަސީމު މައާފަށް އެދިވަޑައި ގަންނަވާނެއެވެ. އަދި އެކަމާ ލަދިވެތިވާނެއެވެ. އާދެ! ޝައިޚް ނަސީމުގެ ލިޔުމުގައި ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅަކާއޭ ވިދާޅުވެ (ޑޮކްޓަރ ވަހީދުއާ) އަޅުގަނޑާ، އަޅުވާ ޒާތީގޮތުން ދިމާކޮށް، ޑިފެންސް މިނިސްޓަރުގެ ގޮނޑީގެ ވާހަކައެއް އަޅުގަނޑާ ޖެއްސުމުގެ ބަހުރުވައިން ދަށްކަވާފައި ވެއެވެ. މިއީ ވަރަށް ދައްދަރަޖައިގެ ކަމެކެވެ. އަދި ލިޔުއްވި ވާހަކަތަކީ ވެސް ޝައިޚް ނަސީމު ލިޔުއްވާވަރަށްވުރެ ދަށުދަރަޖައިގެ ވާހަކަތަކެކެވެ. އަޅުގަނޑު ދަންނަވަންއޮތީ، މިއީ ޝައިޚްނަސީމަށް ބަޔަކުލައިދީ ފައިހުރި ޝައިޠޯނީ ވަސްވާސްތަކެއްކަން ކަށަވަރުވާ ކަމަށެެވެ. އަމިއްލަފުޅު ނޫނަސް ބައެއްގެ ޚިޔާލީ ހުވަފެންތަކެއް ކަމުގައި ވާންޖެހެއެވެ. އޭ! އަޅުގަނޑުގެ މާތް ޝައިޚާއެވެ! ހޭވެރިވާށެވެ! ޝައިޚުފަދަ އިލްމީބޭފުޅަކު މިފަދަ ދަށުދަރަޖައިގެ ކަމާނުބެހޭ ވާހަކަތައް ތެދުމައުލޫމާތުގެ ގޮތުގައި އިންސާފޭ ވިދާޅުވެ އާންމިކޮށް ފެތުރުމަކީ، ވަރަށް ހަޑިމުޑުދާރު އަމަލެކެވެ. ފަހެ، ޝައިޚްނަސީމުގެ ޢިލްމާއި ޙިލްމަށް ހުތުރުކަމެކެވެ. އަދި އަމިއްލަފުޅަށް، ޝައިޚުގެ އިލްމާއި ޙިލްމަށް އަމިއްލަފުޅަށް ކުރެއްވޭ މަލާމާތެކެވެ. ލަދުވެތި އަމަލެކެވެ. ފަހެ، ދެކެދެނެހުރެ ދަންނާށެވެ! މިދެތިން ނުކުތާއެއް ފާހަގަކޮށް ލުމަށްފަހު، ދެން އިތުރަށް، ޝައިޚުލިޔުއްވާ އެއްވެސް ސިލްސިލާއަކަށް މިގޮތުން މައުލޫމާތު ދޭކަށް އަޅުގަނޑު އެއްގޮތަކަށް ވެސް ނެތީމެވެ. ޝައިޚްނަސީމްގެ ޒަމީރު އެވިދާޅުވާ ޑޮކްޓަރެއްގެ ފާހާގުޅޭ ގޮތުން ލިޔުއްވާފައި އެވަނީ، ކަނޑައެޅިގެން ރޯމަރުދޮގެކެވެ. އެމްޑީޕީގެ އަމީންއާންމާއި އަމީން އާންމުގެ ނައިބުގެ އިންތިޚާބު އޮތްރޭ ޖަލްސާގައި ޝައިޚްނަސީމް އިންނެވީ، އަޅުގަނޑާޖެހި ގެނެއްނޫނެވެ. ޝައިޚު އިންނެވީ އަޅުގަނޑު އިންބަރީގެ ފަހަތު ބަރީގައެވެ. ފަހެ، ހަމަހޭގައިހުރެ އަނެއްކާވެސް ދަންނަވަން ޖެހެނީ، ވަރަށް ހެއްވާ ކަމެއްގެ ވާހަކައެވެ. އަޅުގަނޑުގެ ނަން އެމަގާމަށް ހުށަހެޅުއްވި މީހަކީ، ޚުދު ޝައިޚްނަސީމެވެ. ހަމަގައިމު އެއްފަހަރު ވެސް އަޅުގަނޑުގެ ނަންހުށައަޅައި ދެއްވުންއެދި ދަންނަވާފައެއް ނުވާނެއެވެ. ދެންފަހެ، މިހާރު އެދަށްކަވަނީ، ކިހާހެއްވާ ވާހަކަފުޅެއްތޯ އެވެ؟ އަޅުގަނޑާބެހޭ ގޮތުން ޝައިޚު ވިދާޅުވާ “އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފަށްދައި ޕާޓީބައިބައި ކޮށްލުމަށްޓަކައި މަސައްކަތް ފެއްޓެވީއެވެ.” މިބަސްފުޅަކީ، ސާބިތުހިފޭވަރުގެ ހެތްކެއްނެތް ކަނޑައެޅިގެން ބުހުތާން ދޮގުވާހަކަ އެކެވެ. އެމްޑީޕީ ވުޖޫދަށް ގެނައީ އަޅުގަނޑުގެ ވެސް، އަމިއްލަ ދާއޮހޮރުވައި ގެންނެވެ. ޖިސްމަށް ބޮޑެތި އަނިޔާތަށް އުފުލައިގެން ނެވެ. ރެއާއި ދުވާލު ޖިހާދުކޮށް ގެންނެވެ. ހަށިގަނޑާއި މުދަލަށާއި އަނބިދަރީންނަށް އެތައް އަނިޔާތަކެއް މާއްދީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިގެންނެވެ. އޮޅުއަޅުވާފައި ތިންފޫޓު ހަފޫޓުގެ ޓިނުގޮޅިއެއް ތެރޭގައި ބޭއްވުމަށްފަހު، ބާރުހުރި ސިފައިންގެ ބައެއްގެ އަނިޔާވެރިކަމުން ގުދާރު ބިންދައިގެން ނެވެ. އަދިވެސް، މިހާރުވެސް އެތަދުތައް ވިއްސާރަވެ ފިނިވީމައި ހަށިގަނޑުން އިހްސާސް ކުރަންޖެހެއެވެ. ހަމަގައިމު ވެސް އަޅުގަނޑު ނެތިދާނީ އެއަނިޔާތަކާ އެކުގައިކަން ކަށަވަރެވެ. އެމްޑީޕީއަށްޓަކައި މިފަދަ ގުރުބާނީތައް ޖާނާއި މާލުން ގުރުބާންކޮށް، އަމިއްލަ ރުހުމުން ހިބަކޮށްދީ، ހަދިޔާކުރި މީހުން އެންމެރަނގަޅަށް މިދުނިޔެމަތީގައި ދަންނާނެ ފަރާތަކީ، ސީދާ އަންނި އެވެ. ޝައިޚްނަސީމަށާ، އަދި ޝައިޚަށް ވަސްވާސް ލައިދޭ ކަޅުބެމެންފަދަ ކަޓުމުއްލާއިންނަށް، އެމްޑީޕީ ދެއްކީ އަޅުގަނޑުމެން ނެވެ. އެކަމާ މިއަދު ތިޔަބޭފުޅުން ފަޚުރުވެރިވާން ވާނެއެވެ. މިވާހަކަ މިދަންނަވަނީ، ވަރަށް އަސަރާ އެކުގައެވެ. އަދި ވަރަށް ފަޚުރުވެރިކަމާ ވެސް އެކުގައެވެ. ﷲ ގެ އިރާދަ ފުޅުން، އެމްޑިޕީ އަބަދުވެސް ދިރިދިރި، އޮންނާނެއެވެ. ޝައިޚްނަސީމް އަވަހާރަވިޔަސް އަދި އަޅުގަނޑު މިދުނިޔޭގައި ނެތަސް މިހާރު އެމްޑީޕީ، މިދުނިޔޭގައި ދެމި އޮންނާނެއެވެ. ސިޔާސީޕާޓީ ތަކުގެ ރޫހަކީ، އެއްބަޔަކު ގޮސް އަނެއްބަޔަކު އައިސް ހަވާލު ވުމެވެ. އާވެއާވެ އޮތުމެވެ. އަދި ވެސް ނިންމާލަމުން ޝައިޚްނަސީމަށް ދަންނަވާލަމެވެ. ބޮޑުމަޖިލީހުގައި އެމަޖިލީހުގެ މެންބަރެއްގެ ރަސްމީ ހައިސިއްޔަތާއެކު، ކަނޑައެލިފައިވާ ރަސްމީ ގޮނޑީގައި އިންނައިރު ރުޅިއަންނަނީ އަންނަވަރު ކުރީމައެވެ. އަދި ކޮށްފައިވާތީއެވެ. އިންސާފު ނެތުނީމައެވެ. އަދި ހެނީ، ހޭންޖެހޭ ވަގުތުގަ އެވެ. އަދި މޭޒުމައްޗަށް އަރަންޖެހެނީ، ނާއިންސާފުން ކަންތައް ހިންގާތީ ދެކޮޅުހަދާއި އިހްތިޖާޖު ކުރާށެވެ. ބޫޓު މޭޒުމަތީގައި ބަހައްޓާފައި ނުކުންނަން ޖެހެނީ، ރިޔާސަތުން އަމަލުތައް ގެންގުޅުއްވާ ގޮތާދެކޮޅުހެދުމަށެވެ. ރުޅިއާއެކު، މިފަދަ ކަންތައް ކުރެވޭނީ، ކުރެވޭހާ ހިތްވަރު ހުންނަ ކަންކަމާ ކުރިމަތިލާން ކެރޭމީހުންނަށެވެ. ހަޅޭއް ފަޅޭއްލާ ހަދަންޖެހޭތަނުގައި ހަޅޭއްފަޅޭއް ލެވޭނީވެސް، ހިތްވަރު ހުންނަ، އަގީދާ ވަރުގަދަ ކެރޭމީހުންނަށެވެ. ފަހެ ދަންނާށެވެ! މެކުނު ފުމޭއިރު ގާހަކަ އިންނާނީ، ލަދުރަކި ކަމާއި ހަސަދަވެރި ކަމާއެކު ބަލާށެވެ. އަޅުގަނޑުގެ ދުއާއަކީ، އަންނި ދުނިޔޭގައި ހުންނެވިހާ ހިނދަކު އެމްޑީޕީ އަންނި އާއެކު އޮތުމެވެ. އަދި އެނޫން ދުވަހެއްގައިވެސް އެމްޑީޕީ ދިރިދެމި އޮތުމެވެ! އާމީން!

Recent Posts

See All
ފިތުނައިގެ ފެށުން

އޭ! ލޮބުވެތި ރައްޔިތުންނޭވެ!! ގުރްއާނުގައި ވަނީ، މިވާހަކަ ހަނދާންކޮށް ދެއްވާށޭ އަންގަވާފައެވެ!! آدم ގެފާނުގެ ދެދަރިކަލުންގެ خبر އެވެ. އޭ! ރަސޫލާ އެވެ! حق ގޮތުގައި ކަލޭގެފާނު އެމީހުންނަށް ކިޔައިދެއްވާށ

 
 
 

Comments


© 2035 by Jawahiru Wadhee Ilyas. Powered and secured by Wix 

bottom of page