މިހާރުގެ ގާނޫނުސާސީ އަކީ އަކުރުންއަކުރަށް ބާތިލުއެއްޗެއް
- ilyashusein
- Oct 4, 2009
- 5 min read
އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ޖުލައި 7 ގައި)
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާ އަރިހަށް ތަސްދީގު ކޮށްދެއްވުން އެދި ފޮނުވިފައިވާ އާއަސާސީއަކީ، އަކުރުން އަކުރަށް ބާތިލު އެއްޗެކެވެ. ސާފުސީދާ އިބާރާތުން މިގޮތަށް ދަންނަވަން ޖެހުނީ، ބޮޑުމަޖިލީހުގެ އެންމެފަހު ޖަލްސާ ކަމުގައި ބެލެވިފައިވާ، 272 ވަނަ ޖަލްސާގަޔާއި އެޖަލްސާގެ ކުރިން ހިނގާދިޔަ ބައެއް ކަންތަކުގައި ރިޔާސަތުން އަމަލުކުޅަ ގޮތުންނެވެ.
ފަހެ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަމަށް ފެންނަކަމުގައި ބަޔާންކޮށް، ގާނޫނު އަސާސީގެ، 94 ވަނަ މާއްދާގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެދަށުން، ގާނޫނު އަސާސީގެ، 92 ވަނަ މާއްދާގައި ބުނެވިގެންވާ ގޮތަށް، ރައީސުލް ޖުމްހޫރިއްޔާ އެއްކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މަސައްކަތް، 2004 ޖުލައި 19 ވީ ހޯމަ ދުވަހު އާއުންމީދު ތަކަކާއެކު ފެށުނެވެ.
ދެން ފަހެ، ވެރިކަން ހިންގުމުގެ ބާރުތައް ވަކިވެފައިވާ، އާ ގާނޫނު އަސާސީއެއް ލިބިގަތުމުގެ މަސައްކަތް ވަރަށް ޖޯޝާއި ހޫނުގަދަ ބަހުސް ތަކުގެ ތެރޭގައި ފިސާރި ފޯރިޔާއެކު ކުރިޔަށް ދިޔައެވެ. އެހެނަސް ވަރަށް އިސްތިބްދާދީ ޚުދުމުޚްތާރު ގޮތަކަށް މަޖިލީހުގެ ރައީސް އޮނަރަބްލް ގާސިމް އިބްރާހީމް، ގާނޫނީ މިމަސައްކަތް ނިންމާލެއްވީ، 2008 ޖޫން 26 ވީ ބުރާސްފަތި ދުވަހު 9:37 ގައެވެ. އެދުވަހު ހެދުނު 9:00 ގައި ފެށުނު އެ މަޖިލީހުގެ 272 ވަނަ ޖަލްސާގައެވެ.
ފަހެ، މިޖަލްސާއަށާއި މިޖަލްސާގެ ކުރިން ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީން ނާއި އެކޮމެޓީން މަސައްކަތް ހަވާލު ކުރި ކުޑަކޮމެޓީގެ މަސައްކަތަށް ފުންކޮށް ނަޒަރުކޮށް ބަލާއިރު، މިނިންމި އާގާނޫނު އަސާސީއަކީ، ކުރިން ދެންނެވިހެން އަކުރުން އަކުރަށް ބާތިލު ބިނާއެކެވެ. ގާނޫނީބިނާ ގެއްލިފައި އޮތް ފޮތެކެވެ. ފަހެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ބޮޑު މަޖިލީހުގެ ގަވާއިދާ މުޅިން ޚިލާފަށް އުފެއްދި ކުޑަކޮމެޓީއެއްގެ އެހީގައި ވަރަށް މުސްތަބިއްދު ގޮތަކަށް، ފަހުވަގުތު އެކުލަވާލާފައި މިވަނީ، މުޅިން އާއަސާސީ އެކެވެ. ތަޅުމުން ނިންމި ނިންމުންތަކެއް ނޫނެވެ. އެއީ މުޅިން އެހެންބިނާ އެކެވެ.
މިހާރު ފެންނަން މިއޮއްތީ ބޮޑުމަޖިލީހުން އެކުލަވާލައި ފާސްކުރި މާއްދާތަކުގެ މައްޗަށް އެކުލެވިފައިވާ އަސާސީއެއް ނޫނެވެ. ސަތާރަ އަހަރުން ބިނާކުރި މަޝްހޫރު ގާނޫނު އަސާސީއަށް އޮނަރަބްލް އަބްދުﷲ ހަމީދު ކުޑަކޮމެޓީއެއްގެ ނަމުގެދަށުން ޖެއްސެވިކުލަތައް މިފަހަރު، ޒަމާނީ ލިބަރަލް ޑިމޮކްރަސީ އެއްގެ ނަމުގައި ބިނާކުރަމުން ގެންދާ އާއަސާސީ ޕޮލިޝްކޮށް، އަމިއްލަ އެދުމާއެއްގޮތަށް އޮފްދާރުކުރީ ހަމަ ކުރީފަރޭ އެއްގޮތަށް ހަމަ ކުޑަކޮމެޓީއެއްގެ ނަމުގެ ދަށުންނެވެ.
މިމަސައްކަތް ބައްޓަންކޮށް ފަރުމާކުރުމުގައި މިފަހަރުގެ މޭސްތިރިންނަކީ، ގާސިމާއި އިބުރާއެވެ. މިއީ އެންދެރި ކޭންޕުގެ ޒަމާނީ ބިނާއެކެވެ. ކުރީފަހަރުގެ ބިނާއަކީ، ކާމިނީ ކޭންޕުގެ ގަދީމީ ސަގާފަތުގެ ބިނާއެކެވެ. މިކަންކަން ވިސްނާއި ދިރާސާބަޔަކު ނޫޅެއެވެ. އެހެންވެ ވަޅުޖަހާފައި އޮންނަނީއެވެ.
ދެންފަހެ، ބޮޑު މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ތަޅުމުގައި ފާސްކުރެއްވި މާއްދާތަކާއި ބާބުތަކަށް، މިދެންނެވި ދެބޭފުޅުން (ގާސިމާއި އިބުރާ) ވަނީ، ފާޅުގައި ވަރަށް ބޮޑެތި ބަދަލުތައް ތަޅުމަސް ނޭނގި ސިއްރުން ގެނެސްފައެވެ. މިއީ ވަރަށްބޮޑު ގާނޫނީ ކުށެކެވެ. ބޮޑުޚިޔާނަތެކެވެ.
ކުށެއް ރަނގަޅުކުރުން، ނުވަތަ އިސްލާހުކޮށް ތަޅުމުން ފާސްކޮށްފައިވާ އިބާރާތްތަކަށް ބަދަލެއް ގެނައުމުގެ ފުރުސަތުއޮތީ ހަމައެކަނި މަޖިލީހަށެވެ. މުޅިތަޅުމަށެވެ. އެ އުފައްދައިގެން އުޅޭ ގޭދޮށުކުދިން ހިމެނޭ ކުޑަކޮމެޓީއަކަށް ނޫނެވެ. ގާސިމާއި އިބުރާގެ އަތަކު އެބާރެއް ނެތެވެ. މަޖިލީހުން ނޫން އެހެން ގޮތަކަށް ކުށެއް ރަނގަޅު ކުރަން އުޅުމަކީ، ގާނޫނީ މައްސަލަތަކެއް ނުކުންނާނެ ކަމެކެވެ. މަޖިލީހުގެ ރައީސަށާއި ޑުރާފްޓިންގ ކޮމެޓީގެ މުގައްރިރަށް އެއީ އެއްވެސް ކަހަލަ ކަމަކަށް ނުވިޔަސް ފަހެ، އެއީ މާސިންގާބޮޑު ގާނޫނީޖަރީމާއެކެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެކެވެ. އެއްގޮތަކުން އެއީ ކުޑަ މައްސަލައެއް ނޫނެވެ.
ރައްޔިތުންގެ ހައްގުތަކާ ގުޅުންހުރި ނުރަށްކާތެރި މައްސަލައެކެވެ. ރައްޔިތުންގެ ބާރުކަނޑުވާލާއި ފުނޑާލުމެވެ. ފަހުން ދައުވާ އުފުލޭވަރުގެ ނުރައްކާތެރި މައްސަލައެކެވެ.
ފަހެ، ދަންނާށެވެ! އާއަސާސީއަށް ވަނީ، ފަސާދަވެފައިވާ ރައީސްމައުމޫނުގެ ސަރުކާރާއި ބޮޑުމަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަމިއްލަ ނުފޫޒާއި ބާރު ފިސާރިއަކަށް ވައްދާފައެވެ. އިދާރީ ގޮތުން ބޮޑެތި އޮޅުވާލުންތައް ވަދެފައި ނުވަތަ ގަސްދުގައި ވައްދާފައި އެބަހުއްޓެވެ. މެންބަރުންގެ މެދުގައި ބަހުސްނުކޮށް ފާސްނުކުރާ މާއްދާތަކެއް ވައްދާފައި އެބަ ހުއްޓެވެ. އިއްޒަތްތެރި މެންބަރުން ތަޅުމުގައި ފާސްނުކޮށް ފެއިލްކޮށް ފައިހުރި ކަންތައް ވައްދާފައި އެބަހުއްޓެވެ. މިއީ ރައީސްމައުމޫނާއި ގާސިމާއި އިބުރާ އާއި އޭނާގެ ގޭދޮށުކުދިންގެ ކުޑަކޮމެޓީން ހިންގާފައިވާ ކަޅުޖަރީމާއެކެވެ.
މިފަދަ ސާފުކޮށް ފެންނަން ހުރި ބަދަލުތައް ގާނޫނު އަސާސީއާއި ބޮޑުމަޖިލީހުގެ ގަވާއިދާ ޚިލާފަށް އާއަސާސީގެ ރަސްމީމަތަނަށް ބަދަލު ގެނައުމުގެ ގޮތުން ވައްދާފައި ވާތީ، އދ.އަތޮޅުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވާނީ، މިއަސާސީ މިހާރު މިއޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް، ފާޅުގައި ބަސްބުނެ ވޯޓުދީފައެވެ. އަސާސީއަށް ރަތްކުލަ ޖަހާފައެވެ.
މިވާހަކަތައް ތަޅުމުގައި ދެއްކުމަށް ނިޒާމުގެ ނުކުތާނަގާއި އަޑު އުފުލީމެވެ. އަޅުގަނޑުގެ ކުރިމަތީ ބަރިން، ބޮޑުމަޖިލީހުގެ ނައިބުރައީސް ރ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އޮނަރަބްލް އަލްއުސްތާޒު ޝާހީންހަމީދު ވެސް ނިޒާމުގެ ނުކުތާ އަޑުހަރުކޮށް ނެންގެވިއެވެ. އެހެނަސް އަޅުގަނޑު މެންނަށް އެދުވަހު ވާހަކަދެއްކުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ގާސިމުގެ މުސްތަބިއްދު ކަމުން ނުދެއްވީއެވެ. އަދިވެސް ނިޒާމުގެ ނުކުތާއަށް، އެދިލެއްވި އެތައް ބޭފުޅުންނެއް އެދިލެއްވުމުން ވެސް ވާހަކަދެއްކުމުގެ ފުރުސަތު ވަނީ، ނުދެއްވާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ބަންޑާރަ ނައިބު އޮނަރަބްލް އަލްއުސްތާޒާ އައިޝަތު ޢާޒިމާޝުކޫރާއި މ.އަތޮޅު މެންބަރު އޮނަރަބްލް އަނީސާ އަހްމަދު ވެސް ހިމެނެއެވެ.
ދެންފަހެ، މިފަދަ ހާލަތެއްގައި މަޖިލީހުގެ ރައީސްގެ އޯޑަރަށް ކުޑަކޮމެޓީންނާއި ޑްރާފްޓިން ކޮމެޓީން ގެނައި ބަދަލުތަކަށް، އެންމެކުޑަ މިނުން ބަހުސްކޮށް ރައްޔިތުންގެ މަންދޫބުންގެ ޚިޔާލު ހޯއްދެވުމަކާ ނުލައި މަޖިލީހުގެ ރައީސްގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ނަގާވޯޓަކީ، ގާނޫނު އަސާސީއާއި ބޮޑުމަޖިލީހުގެ ގަވާއިދުގެ ދަށުން ބާތިލު އެއްޗެކެވެ. ސައްހަކަން ގެއްލިފައިވާ އެއްޗެކެވެ. ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިގެން ވާނެ ލިޔުމެއްނޫނެވެ.
ފަހެ، ދަންނާށެވެ! މިކަމުގެ އެންމެއަލިގަދަ ހެއްކަކީ، މިމުޑުދާރު އަމަލު އޮމާންކޮށް ރީތިކުރުމަށް، 2008 ޖުލައި 1 ވީ އަންގާރަ ދުވަހު މިހާރުގެ އަސާސީގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން މުތުލަގަށް ލިބިދީފައިވާ މާއްދާގެ ނަންބަރު ކަމުގައިވާ، ފަންސަވީހަށް ނިސްބަތްކޮށް ފަންސަވީހުގެ ނަމުން ނަންދީފައިވާ ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި ބޮޑުމަޖިލީހުގެ ރައީސް އޮނަރަބްލް ގާސިން އިބްރާހީމާއި ޑްރާފްޓިން ކޮމެޓީގެ މުގައްރިރު މާލޭގެ މެންބަރު އޮނަރަބްލް އިބްރާހީމް އިސްމާޢީލް (އިބުރާ) ތިއްބަވައިގެން ރައްޔިތުންގެ ކުރިމަތީގައި އެވެވަޑައި ގެންނެވި އިގްރާރެވެ.
އާދެ! މަޖިލީހުގެ ނައިބު ރައީސް ރ.އަތޮޅުގެ މެންބަރު އޮނަރަބްލް އަލްއުސްތާޒު ޝާހީނުހަމީދަށް، ދައުވަތު ނުދެއްވައި އިބުރާ ލައްވާ މިކަންކުރުވުމުގައި ވެސް ފޮރުވިފައިވާ ބޮޑެތި ސިއްރުތަކެއް ވާނެއެވެ. ފަހެ، މަޖިލީހުގެ މެންބަރުން ފަހުމަރުހަލާގައި މަޖިލީހުގެ ތަޅުމުގައި ފާސްނުކުރާ މާއްދާތައް އާއަސާސީއަށް ވައްދާފައި ހުންނާނެކަމަށް އެބޭފުޅުން ރައްޔިތުން ކުރިމަތީގައި އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ޑްރާފްޓިން ކޮމެޓީގެ މުގައްރިރު އިބުރާ، ހައްލާލައިގެން ނޫސްވެރިންގެ އެބައްދަލުވުމުގައި ބޭންދުމުގެ އެންމެބޮޑު ބޭނުމަކީ، ނައިބު ރައީސް ޝާހީނަށް ގަސްދުގައި އެފަދަ ފުރުސަތެއް ނުދެއްވުމެވެ. ފަހެ، އޭނާގެ ބަހެއް އެފުރުސަތުގައި ރައްޔިތުންނަށް ހާމަކުރުމުގެ ދޮރުބަންދު ކުރުމެވެ.
މަޖިލީހުގައި އަޅުގަނޑާ ދިމާލުން، އަޅުގަނޑުގެ ކުރިމަތީ ބަރީގައި އިންނަވާ ޝާހީނު، 272 ވަނަ ޖަލްސާގައި އެތައް ފަހަރަކު މަތިން ހަރުއަޑުން، ނިޒާމާބެހޭ ނުކުތާ ނެންގެވިއިރު ރިޔާސަތުން އެއްގޮތަކަށް ވެސް އަޅާ ނުލައްވާ މަންޒަރު އަޅުގަނޑަށް ފެނުނެވެ. އަދި އަޅުގަނޑު ތެދުވެ ހުރެ ނެގި، ނިޒާމުގެ ނުކުތާ ތަކަށްވެސް ފާޅުގައި އަޅައެއް ނުލައްވައެވެ.
އަދިވެސް އެހެން ބައެއް މެންބަރުންގެ ނިޒާމާބެހޭ ނުކުތާއަށް ރިޔާސަތުން އަޅާނުލައްވައި އަމިއްލަ ނުފޫޒާއި ބާރުގެ ދަށުން ޖަލްސާ ކުރުގަޅުވާލާއި ހުއްޓާލެއްވީ އެވެ. މިއީ އެފަދަ ބޮޑު މަޖިލީހެއްގެ ރައީސަކު ކޮށްގެންވާނެ ކަމެއްނޫނެވެ.
އާދެ! އާއަސާސީ އަމިއްލަ ނުފޫޒާއި ބާރުގެ ދަށަށް ގަދަކަމުން ގެންދެވި ހިސާބުން، އަކުރުން އަކުރަށް ގާނޫނުއަސާސީ އެވަނީ، އަމިއްލަބާރުގެ ދަށަށްގެނެވި ފައެވެ. ސައްހަކަން ގެއްލި، ބާތިލުއެއްޗަކަށް ވެފައެވެ. ހައިޖެކް ކުރެވިފައެވެ. ރައްޔިތުންގެ ބާރުނެތިފައެވެ. ދަންނާށެވެ. މިއީ އަޅުގަނޑުގެ ހައްގު ބަހެވެ.
ފަހެ، ދެކެދެނެތިބެ ދަންނާށެވެ! ދިވެހި ރައްޔިތުން ތިބީ ތިޔަހާވާ ހަޑިމުޑުދާރު އަމަލުތައް ވަރަށް ގާތުން ދެކޭށެވެ. ވާނުވާ އެނގިގެން ބަލާށެވެ. 272 ވަނަ ޖަލްސާގައި ގަދަބާރުން ފާސްކޮށް ނިންމާލި އާއަސާސީ މިއޮތްގޮތަށް ބަލައިގަނެ ތަސްދީގު ނުކުރެއްވުމަށް ބޮޑުމަޖިލީހުގެ އދ.އަތޮޅުގެ މެންބަރެއްގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަނޑު ހަރުއަޑުން ގޮވާލަމެވެ.
ފަހެ ރައްޔިތުންގެ މަންދޫބުންނަށް ފާޑުކިޔުމަށާއި ބަހުސްކުރުމުގެ ފުރުސަތު ބަންދުކޮށް ނުދީ ފާސްކޮށްފައިވާ އަސާސީއަކީ، ރައްޔިތުން ހިތުގެ އަޑިން ބަލައިގަންނާނެ އަދި ރުހޭނެ އެއްޗެއްނޫން ކަންކަށަވަރެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ރުޖޫޢަވާ ދުވަހަކުން މިކަމުގެ ހެކިތައް ފެންނާނެކަން ކަށަވަރެވެ.
ފަހެ، އަޅުގަނޑުގެ މިމަޒްމޫނަކީ، އެގޮވާލުމުގެ އަޑު އުފުލުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް، ހުޅުވާލެވިފައިވާ އާންމުސިޓީއެކެވެ. މިސިޓީގެ އަޑު ރައީސްމައުމޫނު އެއްސެވިޔަސް އަދި ނުއެއްސެވިޔަސް މިއީ، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ވަރަށް ސާފުބަހުން އިޚްލާސްތެރި ކަމާއެކު ހެޔިނިޔަތުގައި ހުރެ ކުރާ އިލްތިމާސެކެވެ.
ފަހެ، ބޮޑުމަޖިލީހުގެ، 272 ވަނަ ޖަލްސާގައި އެންމެ 37 މިނެޓްތެރޭގައި ބާރުވެރި މީހެއްގެ ނުފޫޒާއި ގަދަބާރުން ފާސްކޮށް ނިންމާލާފައިވާ، އާއަސާސީއަކީ، ސައްހައެއްޗެއް ނޫންކަމުގެ ބައިވަރު ހެއްކާއި ދަލީލުތައް އެބަހުއްޓެވެ. ތަސްދީގު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް، މިހާރު ފޮނުވިފައިވާ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ގާނޫނު އަސާސީއަކީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއާއި ބޮޑު މަޖިލީހުގެ ގަވާއިދައި ޚިލާފަށް އެކުލަވާލެވުނު ކުޑަ ކޮމެޓީއަކުން، އިބުރާއާއި ގާސިމާއި މަދުބަޔަކަށް ފެނުނު ގޮތަކަށް، މުޖުތަމަޢުގެ ބޮޑުންގެ ވަކިބައެއްގެ އަމިއްލަ މަސްލަހަތު ހިމެނޭގޮތަށް، މުޅިމަޖިލީހުގެ މެންބަރުން ފާސްކޮށްފައިވާ، މާއްދާތަކަށް ބޮޑުބަދަލެއް ގެނެސްގެން އުފަންކޮށް ފައިވާ އެއްޗެކެވެ.
އަދި މީގެ އިތުރަށް މެންބަރުންގެ އިތުރު ބަހުސަކައި ނުލައި ޑްރާފްޓިން ކޮމެޓީންވެސްވަނީ، މުޅިމަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާ މާއްދާ ތަކަށް ގާސިމުގެ އޯޑަރަށް، ބޮޑެތިބަދަލުތައް ގެނެސްފައެވެ. ފަހެ، ޑްރާފްޓިން ކޮމެޓީން މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ، އަދި ނޫސްވެރިންނަށް މިހާރު ލިބިފައިވާ ސިޓީތަކަކީ، މިކަންތައް ފާޅުގައި ކޮށްފައި ހުރިކަމުގެ ކިތާބީހެއްކެކެވެ.
ފަހެ، ބޮޑުމަޖިލީހުގެ ގަވާއިދުގެ 56 ވަނަ މާއްދާގެ (ށ) ބުނާގޮތުން، މިފަދަ ބަދަލެއް ގެނައުމަށްޓަކައި ފުރަތަމަ ޖެހެނީ، މަޖިލީހުގައި ވޯޓެއްނަގައި މަޖިލީހުގެ ތަޅުމުން ހުއްދަ ލިބިގަންނާށެވެ. 272 ވަނަ ޖަލްސާގެ އެޖެންޑާގެ ދަށުން، ގަވާއިދުގެ މިމާއްދާ އަށް ހަވާލާދީ، އަމިއްލައަށް ބަދަލު ގެނެސްފައިވާ މުޅިން “އާއަސާސީއަކަށް” ވޯޓަށް އެހުމަކީ، ގަވާއިދުގެ އެމާއްދާ އެއްގޮތަކަށް ވެސް ހުއްދަކުރާ ކަމެއް ނޫނެވެ. ފަހަރުގައި ހުއްދަވެދާނެ ކަމަށްބެލެވޭނެ ހާލަތަކީ، ވޯޓަށް އެހުމާއި އެބަދަލު ގެނައުމުގެ ކުރިން އެހުއްދަ މަޖިލީހުގެ ތަޅުމުން ލިބިގެން މާއްދާތައް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ނަމައެވެ.
މިވާހަކަތައް ތަފްސީލުކޮށް ތަޅުމުގައި ދެއްމުކަށް، 272 ވަނަ ޖަލްސާގައި ނިޒާމާބެހޭ ނުކުތާ ނެގުމުން، އަޅުގަނޑަށާއި އެހެން މެމްބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދެއްވި ކަމީވެސް އާއަސާސީއަށް ލިބިގެންދިޔަ އުނިކަމެކެވެ. ރައްޔިތުންގެ ބާރު އުނިވުމެވެ. އަދި އަޅުގަނޑުގެ އިތުރުން، ޝާހީނު ހަމީދާއި އެހެންބައެއް މެންބަރުންވެސް ވާހަކަދަށްކަން އެދެމުން ގެންދަނިކޮށް އެފުރުސަތު ނުދެއްވައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަލްސާނިންމާ ލެއްވުމަކީ، ގާސިމު މުސްތަބިއްދު ވުމުގެ އަމަލެކެވެ. އަލާމަތެވެ. ކުރެއްވި ޚިޔާނަތެކެވެ.
މިހާރު ލިޔެނިންމާފައި އެއޮތްގޮތަށް ތަސްދީގު ކުރެއްވިޔަސް، އަދި ނުކުރެއްވިޔަސް ނިމިފައިވާ އާއަސާސީއަކީ، އަކުރުން އަކުރަށް ބާތިލު އެއްޗެކެވެ. މިއަސާސީ މިއޮތްގޮތަށް ފާސްކުރުމަށް ވޯޓުނުދެއްވި އިއްޒަތްތެރި މެންބަރުންނަކީ، ބަތަލުންނެވެ.
އަދި މިއާއަސާސީއައި ދެކޮޅަށް ފާޅުގައި ރަތްކުލައިން ނުބައި ފާހަގަ ޖައްސަވައި ވޯޓުދެއްވި، ފަސް މެންބަރުންނަކީ، ފިސާރިކެރޭ ހިތްވަރު ހުރި، ގައުމީ ބަތަލުން ނެވެ. ރައްޔިތުންގެ ހަގީގީމަންދޫބުންނެވެ.
ދެންފަހެ، ދަންނާށެވެ! ލޮބުވެތި ރައްޔިތުންނޭވެ! އަލަށް ހޮވާ ރައްޔިތުންގެ މަޖިލީހަށް، ހަގީގަތުގައި ވައްދަންވީ، މިފަދަ ގައުމީ ރޫހުހުރި ބޭފުޅުންނެވެ.
އެއީ؛ ރ.އަތޮޅުގެ މެންބަރު ޝާހީނު ހަމީދާއި އދ.އަތޮޅުގެ މެންބަރު (އިލްޔާސް ހުސައިން އިބްރާހީމް) އަޅުގަނޑާއި ލ.އަތޮޅުގެ މެންބަރު މުހަންމަދު ނަސީމާއި ސ.އަތޮޅުގެ މެންބަރު ހުސްނުއް ސަޢޫދާއި މާލޭމެންބަރު މުހަންމަދު ނަޝީދުއެވެ.
މި އިއްޒަތްތެރި 5 (ފަހެއް) މެންބަރުންގެ ވަރުގަދަ ޝަޚްޞިއްޔަތު ފާހަގަކޮށް، މިފުރުސަތުގައި ވަރަށް މަރިވެރި ޝުކުރެއް ދަންނަވަމެވެ. ﷲ، އަޅަމެން ތެދުމަގުގައި އަބަދުވެސް ހައްގުބަސް ބުނުމުގައި ސާބިތު ކަންމަތީ ލައްވާށިއެވެ! އާމީން!


Comments