ވެރިކަމަށް ކިޔާނޭ ނަމަކާމެދު ބަހުސްކުރާނީ މޮޔައިން.
- ilyashusein
- Oct 15, 2009
- 6 min read
=އިލްޔާސް ޙުސައިން އިބްރާހިމް. ލިނީ: 2006މ،ގައި.=
އާދެ! އަޅުގަނޑުމެންނަށް، މިހާރަކަށްއައިސް އިވެމުންދާ އެންމެ، ކަންފަތަށް އުނދަގޫކުރާ އެއްއަޑަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާނޭ ނިޒާމަކާ މެދު، ވަކިގޮތެއް ކަނޑަނޭޅިގެން ކުރެވޭބަހުސްގެ އަޑުފަށްގަނޑެވެ. ބޮޑު މަޖިލީހުގެ ތަޅުމުގައި ކުރެވޭ، ޒުވާބު ތަކުގެ އަޑުފަށް ގަނޑެވެ. ރާއްޖޭގެ ބާރުގަދަ މީޑިއާއިން، ޓީވީ އާއި ރޭޑިޔޯ އިން، އަބަދާއި އަބަދު މިއަޑުފަށްގަނޑު އިއްވުމަކީ، ހާދަ ބޮލަށް އުނދަގޫވާ ކަމެކެވެ. އާދެ! ވެރިކަން ކުރާނެ ނިޒާމެއް ހޯދަނީޔޯލައެވެ.
ފަހެ، ދިވެހިރާއްޖެ ދުށް އާދަޔާ ޚިލާފު ސިޔާސީ މުފައްކިރެއް ކަމުގައިވާ، އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، އޭނާގެ މަޝްހޫރު ފޮތް “ދިވެހި ޖުމްހޫރިއްޔާ…… މަރުޙަބާ!” މިފޮތުގެ ފުރަތަމަ ޞަފުޙާގައި މުލީއާގޭ އެޑްރެހުގައި ވަލިއްޔުލް އަމްރުގެ ނަންފުޅުގައި ލިޔުއްވާފައިވާ، ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ، “ވެރިކަމަށް ކިޔާނޭ ނަމަކާ މެދު، ބަހުސްކުރާނީ މޮޔައިންނެވެ. ރަނގަޅު ވެރިކަމަކީ ހެޔޮގޮތުގެ މަތިން ހިނގަމުންދާ ވެރިކަމެކެވެ.”
އާދެ! ތެދުތެދަށް ދަންނަވަނީ ނަމަ، ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ އަށްފަހު، ވެރިކަމުގައި ބޭނުންކުރަންވީ، ވަކި ނިޒާމެއް، އަދި މުސްލިމުން ވެރިކަން ހިންގުމުގައި ތަބާވާންވީ ވަކި ނިޒާމެއް، ވަކި ޚާއްޞަ ނަމެއްގައި ޤުރްއާން މަޖީދުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައެއް ނެތެވެ. އަދިރަސޫލާގެ ސުންނަތުގައި ނިޡާމުލް ޙުކުމަށް (ޝަރުޢީ ހުކުމްތަކުގެ ނިޒާމަށް) މިވެނި ނިޒާމެއްގެ ގޮތުގައި ވަކި ނަމަކުން، އިޝާރާތް ކުރައްވާ ފައެއް ނެތެވެ. ނިޒާމުލް ޙުކުމަށް ޚާއްޞަކޮށްދޭ އާޔަތްތަކުގައި ﷲ ތަޢާލާއާއި ރަސޫލާއަށް ކިޔަމަންގަތުމަށް ފަހު، އަޅުގަނޑުމެންގެ ތެރެއިން ވަލިއްޔުލް އަމްރަށް ކިޔަމަން ވުމަށް އަންގަވާފައި އޮތުމުން ދޭހަވަނީ ވެރިޔަކު ހޮވުމަށް ހުޅުވިފައި އޮތް ބޮޑު މިނިވަންކަމެވެ. އިސްލާމް ދީނުގައި ހިމެނޭ ތަހުޒީބީ ޑިމޮކްރަސީގެ ވަރުގަދަކަމެވެ. ހަރުދަނާ ކަމެވެ. އާދެ! އަދުލް އިންސާފުން ވެރިކަމުގެ ނިޒާމާ ބެހޭ އުސޫލުތައް ގެންދިޔުމަށް އަންގަވާފައިވާ އެންގެވުމެއް ކަމެވެ.
އާދެ! ޙަޤީގަތުގައި މިއަދުވެސް އެކަން އޮންނަންވާނީ، އަދި އޮތީވެސް މިމަތިވެރި އުޞޫލުގެ މަތިންނެވެ. މިކަމަށް ބަދަލެއް އައުމެއްނެތެވެ. އަދި ނުވެސް އަންނާނެއެވެ. އަދި ގެނެވިގެން ވެސް ނުވާނެއެވެ. މިސާލަކަށް ޢަދާލަތު (ޖަސްޓިސް) ގާއިމު ކުރެވޭނީ ފޮތެެއްގައި ކޮންމެހެން ލިޔެފައި އޮތީމާތޯއެވެ؟ ފޮތުގައި ލިޔެފައި އޮތީމާ ވަނީ ކޮން ކަމެއްތޯއެވެ؟ ރައްޔިތުންގެ ފައިސާ ނުވަތަ ބައިތުލްމާލު ނޫންނަމަ، މިހާރުގެ ގޮތަށް ކިޔާނަމަ ޓްރެޒަރީ އަމާނާތް ތެރިކަމާ އެކު ބެލެހެއްޓޭނީ އަދި އެއިން ހޭދަކުރެވޭނީ ވަކި ޢަދަދެއް ކަނޑައެޅި ކޮމްޕިއުޓަރައިޒްކޮށް ރައްކާކުރުމުން ތޯއެވެ؟ އަހަރަކު އެއްފަހަރު ކަނޑައަޅާ ބަޖެޓް ރީތިކޮށްލިޔެ ފޮރުވާފައި އޮތުމުން ވާނީކޮން ކަމެއްތޯއެވެ؟ ރައްޔިތުންނަށް ވާއެއް ނުވާއެއް އޮޅުންފިލާނެ ތޯއެވެ؟ ނާޖާއިޒު ގޮތުގައި އިއްޒަތްތެރި ބައެއް މެމްބަރުންނަށް ފައިސާ ޚަރަދު ކޮށް، ފާސްކޮށްލުމަށް ފަހު، ވާނުވާއެއް ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް އޮޅުމެއް ނުފިލައެވެ. މިއީ ކަންތައް ހުރިގޮތެވެ. ރައީސް އޮފީހަށް ބާރު ހިނގާގޮތަށް އެއިން ވަކި ބައެއް ބަހައްޓައި ގެން، ތިމާގެ ގުޅުން އޮންނަ، ވަޒީރުންނަށް ބަހަމުން ގެންދަނީ އެވެ. އެފަދަ ވަޒީރުން ރައީސް އޮފީހަށް ލިޔެލައްވާ އިރަށް އެމިނިސްޓްރީ އެއްގެ އެކައުންޓަށް އެ ފައިސާ އެއް، ޖަމާވާނެ އެވެ. ދެން އެބޭފުޅަކު، ބޭނުން ވެލައްވާ ގޮތެއް ހައްދަވަންވީ އެވެ. ދައުލަތުގެ އޮޑިޓަރ ޖެނެރަލް ހުންނެވީ އަރާމާއި އުފަލުގައި މަސްތުގައި ބަހައްޓަވާފަ އެވެ. ރައްޔިތުންގެ މަޖިލީހަކު ހަރަކާތެއް ދަށްކާލާނެ ބާރެއް ނެތެވެ. ހުރިހާ ބާރެއް ޖަމާވެފައި އޮތީ، ރައީސް މައުމޫނުގެ އަންބޮޑީގަ އެވެ. އޭނާ އެހުންނަވަނީ، އޭގައި ވަރުގަދަޔަށް، ބަގުޑިބައްދަވައި ގެންނެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑުމެންގެ މަޝްހޫރު ދެވަނަ ޚަލީފާ އުމަރުގެފާނު އެކަލޭގެފާނުންގެ ބޭސްކޮޅަކަށް ޓަކައި މަދީނާގެ ބާޒާރުން ލިބެން ނެތިގެން ޚަޒާނާއިން މާމުއިފޮދެއް ނަންގަވަން ބޭނުންފުޅު ވީ ހިނދު، ކަން ކުރެއްވި ގޮތް އަޅުގަނޑުމެންގެ ކުރިމަތީގައި، ޝޫރާގެ މަތިވެރިނަމުގައި ޖަވާހިރެއްހެން ވިދަވިދާ ފެންނަން އެބައޮތެވެ. ދެކެން ބޭނުންވާބަޔަކަށް، އަދުލަށް ޤާނޫނުހަދަން ބޭނުންވާ ބަޔަކަށް، އެތަކެއް އެތަކެއް ފަތްފުށް ތަކުގެ ފުރިހަމަ ޤާނޫނެއް، އާދެ! އިޤްތިޞާދީ (ފައިސާއާބެހޭ) ޤާނޫނެއް، ހަދަން ބޭނުންވާ ބަޔަކަށް އެރީތިމިސާލު އެއޮތީ ދިމާލަށް ފެންނާށެވެ. އެހެނަސް ހިތާމަހުރީ، އެއިން ބޭނުންހިފާނެ ބަޔަކު ނެތުމެވެ. ގިނައީ އެފަތްފުށް ތަކަކީ، ކަޓު އެއްޗެއް ކަމަށް ބުނެ، އެއަށް ފުރައްސާރަ ކުރާ މީހުންނެވެ. ހުޅަގުގެ ވިސްނުމަށް ތަބާވާ، ދީނާއި އަގީދާ، ދައުލަތުގެ ކަންކަމާ މުޅިން ވަކިކުރަން ބޭނުންވާ މީހުންނެވެ.
މިޞްރުގެ މަޝްހޫރު ފާތިޙު، އަދި އިސްލާމުންގެ ނަންހުރި ފަހުލަވާނު، ﷲ ރުއްސުން ލެއްވި، ޢަމްރު ބިން އަލްޢާޞްގެ ފިރިހެން ދަރިކަލުން، މިޞްރުގެ ޢާންމު ރައްޔިތުންގެ ގޮތުގައި ތިބި، ޤިބްޠީއެއްގެ ގައިގާ ތަޅާގަތްހިނދު ލޮބުވެތި އުމަރުގެފާނުގެ ދަރުބާރުގައި އާދަލަށް، ކަންތައްކުރެއްވި ގޮތް (އަދުލު އިންސާފު ޤާއިމު ކުރެއްވި ގޮތް) ދިމާއަށް ހާސާކޮށް، ފެންނަން ނެތީތޯއެވެ؟ އެއްކޮޅުގައި ހުންނެވީ މިސްރުގެ ފާތިޙު އަދި ގަވަރުނަރެވެ. އަނެއް ކޮޅުގައި މައް-ޤިބްޠީ އާދައިގެ ކުއްޖެކެވެ……! މިއީ މިޒަމާނުގެ ހަތަރު އެތިކޮޅުގެ ކޯޓުފަޓުލޫނުގެ ތެރޭގައި ޖަރީވެހުރި ފާފަވެރި އިންސާނާއަށް ކެތްކުރަން ހާދަހާވާ ދަތިކަމަކަށް ވާނެތާއެވެ….! ޢަދުލު އިންސާފު ޤާއިމުކުރުމަކީ، “ޢަދުލު އިންސާފު ޤާއިމުކުރައްވާށޭ” މައް-ދިވެހި ބަހުން ފޮތެއްގައި ލިޔެފައިނެތަކަސް ކުރަންޖެހޭނެ މަޖުބޫރު ކަމެއްކަން ނޭގޭ ދިވެއްސަކު، ދެކޮނޑު ދޭތެރެއިން ބޯފަޅާފައި ހަމަ ކަށަވަރުން ވެސް މިހާރު ނުހުންނާނެ އެވެ.
މައްކާގެ ވެރިޔާ، މަޝްހޫރު އަބޫޖަހުލު ފަދަ ބޮޑާ އުރެދުންތެރި މީސްމީހުން މިމަތިވެރި އުސޫލުތައް ޤަބޫލުކުރަން ދެކޮޅުހެދީ، އެބާހުންގެ ހަމަވިސްނުން ނެތިގެންތޯއެވެ؟ ނޫނެކެވެ! މިމީސްމީހުން ނަކީ، އެޒަމާނުގައި ތިބި ބޮޑެތި ބުއްދިވެރިންނެވެ. އެމީހުން އެކަމާ މުންކިރުވީ، އެމީހުންގެ އަމިއްލަ އުސޫލުތައް ދޫކޮށްލަން ޖެހޭނެތީއެވެ….! އެނގިތިބެ ގަސްދުގައެވެ.
އާދެ! އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ރާއްޖެއަށް ކުރިމަތިވެފައި މި އޮތީ، ހަމަ އަބޫޖަހުލުމެންގެ ވިސްނުމުގައި ކުރިއަށްތިބި، ވެރިން ހިފީމާ ވާނެގޮތެވެ. ރައްޔިތުންގެ މަޖިލިސްކުރާ މައިމާލަމުގައި، ރިޔާސަތުގެ ލޯނެތްފަރާތު ފާރުގައި އިލާހީ އިރުޝާދު، ވެރިކަމުގެ ފަރާތުން ލިޔެ ތަތްކޮށްގެން، މަތިވެރި އެއްކައުވަންތަ ﷲ އަށް، މަލާމާތް ރައްދުވާ އިހާނެތި ކަންތައްތައް ރައީސުލް ޖުމުހޫރިއްޔާ އެކުރައްވަނީ، ފަހެ ހެއްދެވި ފަރާތްޕުޅަށް ބިރެއްވެސް ހަމަ ނެތީމާ ތޯއެވެ؟ ކަށަކުޅަދުން ވަންތަ، ﷲ ގެ އަމުރުފުޅަށް ޚަންނާސް އިބިލީސް ވެސް ތުރުތުރުއަޅާ ކަމުގައިވެއެވެ.
މިހާރަކަށްއައިސް ވެރިކަމުގެ ފަރާތުން އިލާހީ ކަލާމްފުޅު ބޭނުންހިފަނީ އަދި އާންމުން ބޭނުން ކުރަން މަގުދައްކަނީ، ފަހެ ކިހިނަކުން ތޯއެވެ؟ ސަރުކާރުން ނެރޭ ރަސްމީ، ކަލަންޑަރުގައި ޤުރްއާނާއި ޙަދީސްލިޔެ މާނަކުރެއެވެ. ރައްޔިތުންނަށް ވަރަށް ދީނީފާޑު ދަށްކައެވެ. ހުވާކުރަން ވީމާ، އިލާހީ މާތްފޮތްމަތީ ގައި އަތްބާއްވައެވެ. މީހަކު މަރުވީމާ ނުވަތަ ބައިޕާސް އޮޕަރޭޝަނެއް ކުރަންވީމާ، ގޭތެރޭގައި ފިލާ ތިބެގެން، އެފޮތުން އެބަ “ކިޔަވާ” ހަދައެވެ. މަރުވެދާނެތީ ބިރުވެސް ގަނެއެވެ. ބައެއް ޒާތުގެ ޖަލްސާތައް ފަށަނީވެސް އިލާހީ ޤާނޫނުގެ އާޔަތްތަކުން ނެވެ. މިއީފަހެ ކޮންފަދަ ކަމެއްތޯއެވެ؟ މިއީ ފަންޑިތަވެރިން ނާއި ސިހުރު ވެރިން، ކީރިތި ޤުރްއާން ބޭނުންހިފާ ގޮތެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ!
އޭ ލޮބުވެތި ދިވެހި ދަރީންނޭވެ! ޤުރްއާން އޭގެ މާނަ ދޭހަވެ، އެނގޭގޮތުގައި އަޅުގަނޑުމެންގެ ސިކުނޑީގައި (މިޒަމާނުގެ ބަހުންނަމަ މައިންޑުގާ) ބިންވަޅުކަނޑާ ނަގަންވީއެވެ. ނިކަން އަޅުގަނޑުމެންގެ ވިސްނުން ސަމާލުކަމަށް ގެންނަމާތޯއެވެ. އާދެ! އުޑުން ވަހީއައިސް، އައިސް ހުރި ރަސޫލު ބޭކަލަކަށް، ﷲ އަންގަވަނީ މަޝްވަރާގެ މަގުން ކަންތައް ނިންމުމަށެވެ. އެހެންވީއިރު އަޅުގަނޑުމެން ކަހަލަ ފާފަވެރި އިންސާނުން މިމަޝްވަރާގެ އުސޫލު ބޭނުންކުރަން ޖެހޭހުށީ، ކިހާވަރަކަށްކަން ހަމައެކަނި މިދެންނެވި ޙަގީގަތުންވެސް ސާބިތުވާކަން ކަށަވަރެވެ.
މިހެން މިދެންނެވީ މިހާރަކަށްއައިސް ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށޭ ކިޔައިގެން މިކުރާ މަސައްކަތަކީ، ﷲ އެންގެވި، މަޝްވަރާގެ މަތިން ކުރެވޭ މަސައްކަތެއްތޯ މިމަޒްމޫނު، ވިދާޅުވާބޭފުޅުން ނިކަން އަމިއްލަފުޅަށް، އިންސާފުކޮށް ލައްވަ ބައްލަވާށެވެ. އަޅުގަނޑުމެން މާތްވެގެންވާ އިލާހީ އިރުޝާދެއް ރީތިކޮށް ފަވާފައި، ފަށުވި އަކުރުން ލިޔެ، އޭގެ ކުރިމަތީގައި، އެއަށް ބަލަން ތިބެގެން މިކުރާ މަސައްކަތަކީ، މާސިންގާ ޑިކްޓޭޓަރަކު ރުއްސުމަށް ޓަކާ ކުރެވޭ މަސައްކަތަކަށް ނުވޭތޯއެވެ؟ އަޅުގަނޑާ އެކު، ދިވެހި ރައްޔިތުން ގެ އަޑުވެސް އުފުއްލަވާށެވެ! މިކުރެވޭ މަސައްކަތަކީ، އިޚްލާޞްތެރި ކަމާއި ތެދުވެރިކަމާއި ވަފާތެރިކަން އެކުލެވިފައިވާ، ހިތްނިޔަތް ސާފުސީދާ މަސައްކަތެއްތޯ ނިކަން ވިސްނާ ލައްވަ ބައްލަވާށެވެ. ރާއްޖޭގައި ވެރިކަން ކުރަން ކަމުދަނީ ކޮން ނަމެއްކިޔާ ނިޒާމެއްގެ މަތިންތޯ ކުރެވޭ ބަހުސަކީ، ވަގުތު ބޭކާރުކުރުމާއި ލިބިއޮތް ފުރުޞަތު ނާޗަރަންގީގައި ދިގުދެންމުމާ، ގުޅިފައިވާ މަސައްކަތެއްކަން މިހާރު ހަމަޔަޤީނެވެ! އަސާސީ ދިގު ދެންމުމަކީ، ގަޑުވަރު ތެރޭން އީޖާދުކުރެވި، ރޭވިގެން އަންނަ ނުބައި ރޭވުމެކެވެ. މިހެން ނޫންނަމަ، މި މަސައްކަތަކީ ކިހާފަސޭހަކޮށް ނިންމާލެވެން އޮތް މަސައްކަތެއް ތޯއެވެ؟ ގަނޑުވަރުން އަރުވަމުން ގެންދާ އޯގާތެރިކަން ދެއްކުން ފުރިގެންވާ، ދަޢުވަތު ތަކުގައި ހުންނަ ޅަބަކަރީގެ ތާޒާމަސް، ބިރިޔާނި ބަތާއެކު ފަރީއްކުޅުއްވީމާ، ޒުވާން ފަލްސަފާވެރިންގެ ޚިޔާލުތައް މަސްހުނި ވަނީއެވެ. އޭގެ ފަހު ދުވަހު ހުންނަނީ، ކުރިން ހުރި ޚިޔާލެއް ނޫނެވެ. މިގޮތަށް ގަނޑުވަރަށް ވަދެލެވުމުން، މީހާބަދަލު ވެގެން ދެއެވެ. ސަލްޖޫގީ ވެރިކަމާ، ދެކޮޅަށް ފައިނެގި ޙަސަން ބިން ޞައްބާހުގެ ސުވަރުގެއަށް ވަދެވުނީމާ “ވާގޮތް” ވަނީއެވެ. އެއްދުވަހު ދައްކަވާވާހަކަ، އަނެއްދުވަހު ހުންނަނީ އެހެން ގޮތަކަށެވެ. ރާއްޖޭގެ ބޮޑު މަޖިލީހުގެ ތަޅުމުން ވެސް މިކަން ފެނެއެވެ. މިހާތަނަށް 10 ޖަލްސާގައި ވެރިކަމުގެ ނިޒާމާއިބެހޭ ބަހުސް ކުރެވިއްޖެއެވެ. އަދިވެސް ގޮތެއްނިންމޭނެ ކަމުގެ ހިތް ކަށަވަރު ކަމެއް ނެތެވެ. ރައްޔިތުން ވަށްދަނީ، ވަލަށެވެ. އޮޅުވާލާއި މަގުނަގާ ލަނީއެވެ.
ފަހެ، ﷲގެ ކުޅަދުން ވަންތަ ވެރިކަމުގެ ބޮޑުކަމާއެވެ! އަޅުގަނޑުމެންގެ ވިސްނުން މިގެންގުޅެނީ، ކޮންއުސޫލެއްގެ މަތިންބާވައެވެ! ރަސްކަމުގެ ކުލަވަރު ޖައްސަން ބޭނުންވަނީ ބާވައެވެ. އަބަދާއަބަދު ދީނޭކިޔައިގެން ވެސް ވާހަކަދައްކަނީ އެވެ. ކަންމިހެން އޮތަސް އިސްލާމްދީން، އަފިހުން ގުޅައަކަށް ނުހެދޭނެއެވެ. އިސްލާމްދީން އަޅުގަނޑު މެންނަށް ނަސޭހަތް ތެރިވާ، އަގަލާއި ކުލުނުގެ ކަންފުޅެއް ވެސް ނެތެވެ. މިކަމާ، ހުރެ ޒުވާންޖީލު އިސްލާމް ދީނާ ދުރަށްދަނީ އެވެ. ދީނާއި ވެރިން ދެކެވެސް ނަފުރަތުވަނީ އެވެ. އިރާދަކުރެއްވިއްޔާ މިވެނިކަމެއް ބޮޑުންގެ މީހަކު ކޮށްދޭނަމޭ ބުނެފިނަމަ އެވެރިން ދެކެނީ، ދެން އެކަމެއް އެނުވީ ކަމަށެވެ. 28 ހަކަށް އަހަރު، އިޚްލާޞްތެރި ކަމޭ، އިރާދަ ކުރެއްވިއްޔާއޭ، ކިޔައިގެން ބޮޑެތިބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ފަނުފުލުން ދާތީފެނެ އެވެ. އެބޭފުޅުން އިސްކަން ދެއްވަނީ، މިކަހަލަ ކޫސަނި ކަންތަކަށެވެ. ހަގީގީ މަގުސަދު ދޫކޮށް ލައްވާފައި އެހެނިހެން، އަމިއްލަ އެދުމަށެވެ. ޗެމްބަރު ތެރޭގައި އަޅުގަނޑުމެން ނަށް، ކުރެވޭހާވެސް ކަމަކީ އެކަކު އަނެކަކާ ދިމާއަށް، އެއްޗެތި ކިއުމާއި ސީދާކޮށާއި ނުސީދާކޮށް، ފުރައްސާރަ ކުރުމެވެ.
އަޅުގަނޑުމެން ކުޑައިރު ކިޔަވަން ގެންގުޅުނު ތަޢުލީމުއްދިޔާނާ ގެ އެއްވަނަ ބައިން އެނގިފައި ވަނީ، އިސްލާމްކަމުގެ މާނައަކީ، ﷲގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަން ގަތުން ކަމަށެވެ. އަޅުގަނޑުމެން ނަށް، އެކިޔަމަންތެރިކަން އަދާނުކުރެވޭ އިރުވެސް ކިޔަމަންތެރިކަން އަދާކުރާނެ މަގު ރަނގަޅަށްދައްކާ ނުދެވޭއިރު މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ލޭބަލްވާނެ ގޮތެއް ފަހެ، އެބަ އޮތްތޯއެވެ؟ ވިސްކީފުޅިއެއްގެ ބޭރުގައި އަންނާރު ޝަރުބަތުގެ ލޭބަލް ތަތްކުރުމުން އެފުޅީގައި ހުރީ، އަންނާރު ޝަރުބަތު ކަމުގައި ވާނެބާވައެވެ!!! މާތްކަލާކޯއެވެ!! ތިޔަކުރައްވާ ބޭކާރުބަހުސް ހުއްޓާލައްވާފައި މާތްވެގެންވާ އިސްލާމްދީނުގެ ތައްގަނޑަށް ދިވެހި ރާއްޖެ ފެތޭތޯ މަސައްކަތް ކުރައްވާށެވެ! އެންމެ ކުޑަމިނުން އިންސާނިއްޔަތު ކަން ހުރި މަސައްކަތްތަކެއް ކުރައްވަ ބައްލަވާށެވެ. އަސާސީ އުސޫލުތަކޭ، އަސާސީ ސިފަތަކޭ ކިޔާފައި ގަވާޢިދުގައި ލިޔެ އެސިފަތަކޭ ކިޔައިގެން، ބަހުސް ދިގުކުރުމަކީ، އެމަސައްކަތުގާ އެންދެރިކުލަ އާއި ނޫކުލައާއި އެކިކުލަކުލަ ޖައްސާއި ކާމިނީވަސް ދުއްވާއި މުލައްމާއިން، ޖަރީކޮށް އެގޮތްމިގޮތް ހެދުމެވެ. ފަހެ، ގަނޑުވަރުން ބޭނުންވާ ކުލައެއް ޖެއްސޭތޯ ބެލުމެވެ. ގަނޑުވަރުން ބޭނުންވާ ވަހެއް ދުއްވޭތޯ ބެލުމެވެ. މިހާރުވެސް އަސާސީގައި ހިމަނަންޖެހޭ މުސްތަގިއްލު ބާރުތައް އޮންނާނެ ގޮތާއި މުސްތަގިއްލު އިދާރާތަކާއި މުސްތަގިއްލު މަގާމުތައް އޮންނާނެ ގޮތް ތަފްޞީލުކޮށް ލިޔެވިދާނެއެވެ. ހަގީގަތުގައި އަސާސީގައި ތަފްސީލުކޮށް ލިޔަންޖެހޭނީ މިބައިތަކެވެ. ކޮންމެ ވަށްތަރެއްގެ ނިޒާމެކޭ ކިޔަސް މިބައިތައް ހަރުދަނާކޮށް ލިޔެވިއްޖެއްޔާ އޮންނާނީ ރައްޔިތުން ބޭނުންވާޒާތުގެ އަސާސީއަކަށް ވެފައެވެ. ހަގީގަތުގައި ވެރިކަން ކުރާނެ އުޞޫލުތަކަކީ، މިއީ އެވެ. ވަކި ވަކިބާރުތަކުން އުފުލަންޖެހޭ ޒިންމާއަކީ މިއެވެ.
ޚާއްޞަމަޖިލީހުގެ މެމްބަރުންނޭވެ! ވެރިކަން ހިންގާނެ ނިޒާމަކާ މެދު ދިގު ބަހުސްތައް ކުރުމުގައި ރައްޔިތުންގެ އަގުހުރި ވަގުތުތައް ނަގާނުލައްވާ ށެވެ! ވީހާއަވަހަށް އަސާސީގައި ހިމަނާނެ ވެރިކަމުގެ މައިގަނޑު އުސޫލުތައް ލިޔަން ފަށައިގަންނަވާ ށެވެ! ވެރިކަން ހިންގާނެ ނިޒާމަކަށް ކިޔާނެ ނަމަކާމެދު ވާހަކަދެއްކުމަށް ވުރެ، އެންމެން އެއްބަސް ވެގެން ﷲގެ، ޙުކުމްފުޅުތައް މިބިންމަތީގައި ގާއިމު ކުރެވޭނެ އުޞޫލުތަކެއް އަސާސީގާ، ހިމަނައި ދެއްވާށެވެ. ﷲގެ ރުހިވޮޑިގަތުން ލިބޭހުށީ، އެއިރުންނެވެ. މަޖިލީހުގެ ކަރާމާތް ދެމިހުންނާނީ އެއިރުންނެވެ. ޙައްޤަށް ނަސްރު ފުރިހަމަވެގެން ދާނީ، އެއިރުން ނެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑުމެން މިހާރުމިވަނީ، އަނިޔާވެރިކަމާއި ފައިސާ އިސްރާފު ކުރުމާއި ޢަދާލަތު (ޖަސްޓިސް) ނެތުމާއި އިގްތިޞާދީ ހަރުދަނާ އުސޫލެއް ނެތުމައި މިހުރިހާ ފަސާދައެއްގެ މެދުގައި މަރަށް ތެޅި ތެޅިނޫންތޯއެވެ؟ ފިނޭންސް މިނިސްޓްރީއިން ދުރަށްޖެހޭ ކޮންމެ ބޭފުޅަކު ދެއްވާ ޚަބަރުތައް އެހާބިރުވެރި އެވެ. ގައުމު ދަރަނިވެރި ވެއްޖެއެވެ. އިގްތިޞާދާއި މަޢީޝަތު ބަރުބާދު ވަނީއެވެ. އަނެއްކޮޅުން ވެރިމީހާއަށް، ކުޑަވަރެއްގެ ޖެޓެއް ހޯދާ ޚަބަރު އިވެމުން އެބަދެއެވެ. ކުރިން އޮތީ ދިހަތަރީގެ ޔޮޓެއް ހޯދާފައެވެ. ހެޔޮވަރު އަތޮޅެއްގެ އެންމެހާ، ރައްޔިތުންނަށް ފާގަތިކަން ލިބިދެވޭހާ ބޮޑު އަގެއްގައެވެ. މިހުރީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެކެވެންޖެހޭ އިޝޫތަކެވެ. މިހެން ދެންނެވުމުން، ރައީސް މައުމޫނު ކޯފާވެވަޑައި ނުގަންނަވާށެވެ. އޮނަރަބަލް މިނިސްޓަރ ގާސިމް އިބްރާހިމް ނުރުއްސަވާ ލޯފުޅަކުން ނުބައްލަވާށެވެ. ޢަދާލަތުގެ މުގުލުގައި ހުންނެވި އޮނަރަބަލް ޖަމީލު ޗަސް ނުކަޑުއްވާށެވެ. މި ހާމަ ކުރެވެނީ ތެދު ހަގީގަތެވެ. ވާނުވާގޮތް ބަލަންތިއްބަވާށެވެ. އަޅުގަނޑު ހަމަ ހެޔޮހިތުން، ދަންނަވާ ދެންނެވުމެއް ކަމުގާ، ބަލައި ގަންނަވާށެވެ. ނިއުމޯލްޑިވްސްއަށް ނިސްބަތްވާ ޒުވާން ފަލްސަފާވެރިންގެ ޕްރޮފެސީއާއި މުސްތަގްބަލް، އަނިޔާވެރި ޑިކްޓޭޓަރެއްގެ އަވާގައި ޖެހި، ވީރާނާކޮށް ނުލައްވާށެވެ. ގަނޑުވަރުގެ ޖާދޫތައް ކިތަންމެ ވަރުގަދަޔަސް ތިޔަބޭފުޅުންގެ ވިސްނުންތެރި ސިކުނޑިތަކާ، ހިތުހުރި ގޮތަކަށް ކުޅުނަ ނުދެއްވާށެވެ. ރައްޔިތުންގެ އިތުބާރު ނަގާނުލައްވާ ށެވެ. ރައްޔިތުންގެ އިތުބާރަކީ، ގަނޑުވަރުގެ ޖާދޫތަކަށް ވުރެ، ތިޔަ ޒުވާން، ފަލްސަފާވެރިންގެ ކުރިމަގުގެ އުޖާލާ ދަންމަރުކަން ހަނދާން ބަހައްޓަވާށެވެ. ވިސްނަވާށެވެ. ތެދުމަގަށް ތަބާވެލައްވާށެވެ. ރައްޔިތުންގެ ކޮޅަށް ޖެހިވަޑައި ގަންނަވާށެވެ. އަދިވެސް ވަގުތު އެބައޮތެވެ. މާލަސްވެއްޖެނަމަ، ފަހިދޫވި މަގުފުރެދުމުން ބީވި، އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗެއްނޫނެވެ.
ވެރިކަން ކުރުމުގެ ނަމުގައި މިހާތަނަށް ރައީސް މައުނޫގެ މަގުފުރެދުމު ގައި ޖެހިގެން ކުރެއްވުނު ކުށްތަކަށް ﷲ އަށް، ތައުބާވެވަޑައި ގަންނަވާށެވެ. ރައްޔިތުންގެ ކިބައިން މަޢާފަށް، އެދިވަޑައި ގަންނަވާށެވެ. ޑރ.މުނައްވަރު އާންމު ކުރެއްވި، މަޢާފަށް އެދުމާއި ކުރީގެ ޕްލޭނިން މިނިސްޓަރު އޮނަރަބްލް ޒަކީގެ ޑިޕްލޮމެސީގެ ކުލަތަކުން ފުރިގެންވާ، ރިފޯމުގެ ހަރަކާތްތައް ގަބޫލު ނުކުރާ ރައްޔިތުން މަދުނޫންކަން ފާހަނގަ ކުރަމެވެ. އެ، ދެ ތަޖުރިބާކާރުން ނަށް، ވަމުންދާގޮތް ވިސްނަވާށެވެ. ބައްލަވާށެވެ. ވަގުތުގެ ބޭނުން ހިއްޕަވާށެވެ. ދެން އެފަދަ ކުށްތަކަށް އަރާވަޑައި ނުގަތުމަށް އަޒުމު ކަނޑައަޅުއް ވާށެވެ. އަދި ކަނޑައެޅުއްވި އަޒުމުގައި ސާބިތުވެ ތިއްބަވާށެވެ. ނަމަނަމަ އެނާގެ މަޅީގައި ފަހުން ނުޖެހެއްޗެވެ! ހަމަކަށަވަރުން، ﷲގެ ނަސްރުވަނީ، އެފަރާތްޕުޅަށް، ހެޔޮ ނިޔަތުގައި ނަސްރުދޭ ފަރާތް ތަކާ، އެކުގައެވެ. ދެން ފަހެ، ދަންނާށެވެ! ﷲގެ މަތިވެރި ނަސްރަކީ، ހެޔޮ ގޮތުގައި އަޅުގަނޑުމެން ތިބެގެން މެނުވީ، ލިބޭނެ އެއްޗެއް ނޫނެވެ! މިފަދަ ތެދު މަގުގައި އަޅަމެން ސާބިތު ކުރައްވާށިއެވެ! އާމީން!


Comments