ވެރިކަން ކުރުމަށް ނިޒާމެއް ހޯދުމުގެ ބަހުސުގެ ތެރެއިން!
- ilyashusein
- Jan 12, 2010
- 6 min read
ނޯޓް: މިމަޒްމޫނަކީ، 2006 މެއި 15 ވަނަ ދުވަހު ނުކުތް އެސަންދާނު، 8 ވަނަ އަދަދުގައި ޝާއިޢު ކޮށްފައިވާ އަޅުގަނޑުގެ ލިޔުމެކެވެ. އިލްޔާސް ހުސައިން އިބްރާހީމް.
ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދަނީ ކުރިޔަށް އޮތްތާގައި ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ގެންގުޅޭނެ ގޮތަކާމެދުގައެވެ. ބޮޑުމަޖިލީހުގެ 83 ވަނަ ޖަލްސާއާއި 84 ވަނަ ޖަލްސާގައި މިބަހުސް ވަރަށް ތަފްސީލުކޮށް ކުރިޔަށް ގެންދެވިއްޖެއެވެ. އަދި މީގެކުރިން ވެސްވަނީ، މިމައުޟޫއަށް ދިގުކޮށް ވާހަކަ ދައްކާފައެވެ. އުންމީދުކޮށްގެން މިތިބީ، އިރާދަ ކުރެއްވިއްޔާ، 2006 މެއި 7 ވާ އާދީއްތަ ދުވަހު އޮންނަ، 85 ވަނަ ޖަލްސާގައި ވޯޓަށް އަހައި ވަކިގޮތެއް ކަނޑަ އެޅޭނެއެވެ.
ފަހެ، ދުނިޔޭގައި އިންސާނުން އާބާދުވެ ދިރިއުޅެންފެށި ހިސާބުން ވެރިކަންވަނީ، ތައާރުފްވެ ފެށިގެން ހިނގައި ގެންފައެވެ. ކޮންމެ ދެމީހަކަށްވުރެ، އެކަކު އިތުރުވެއްޖެނަމަ، އިސްމީހަކު ހުރެއެވެ. އެކިއެކި މުޖްތަމަޢު ތަކުގައި ތަފާތުގޮތް ގޮތަށެވެ. ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް ފާޑެއްގެ ނިޒާމެއް އުފެދި އަށަގެންފައި އޮވެއެވެ. އިސްލީޑަރަކު ހުރެއެވެ. ބޮޑުން ތިބެއެވެ. ވިރާސީވެރިކަމާއި ޖުމްހޫރީ ވެރިކަމުގެ ވައްތަރުތަކެވެ. ފަހެ، ޢިލްމުވެރިން ވެރިކަމުގެ ނިޒާމު ބައިކޮށްފައި ވަނީ، މައިގަނޑު ތިންވައްތަރަކަށެވެ. ގިނަ ވައްތަރުގެ ނިޒާމުތަކަކަށް ނޫނެވެ. ވެރިކަމަކީ، މާގިނަ ވައްތަރުތަކެއް ހިމެނޭ ނިޒާމުތަކެއް ބޭނުންވާ ކަމެއްނޫނެވެ. ﷲ ގެ ކަލާންފުޅުގަޔާއި ރަސޫލާގެ ސުންނަތުގައި ވެރިކަން ކުރުމަށް ވަކިނަމެއްގެ ނިޒާމެއް ބޭނުންކުރުމަށް އަމުރުކުރައްވާ ފައެއްނެތެވެ. އިސްލާމްދީން ގެނެސްދެއްވި ނިޒާމަކީ، އަދުލު އިންސާފައި މަޝްވަރާގެ މަތިވެރި އުސޫލެވެ. ޒިންމާދާރު މަސްއޫލިއްޔަތު އުފުލާޒާތުގެ ރައްޔިތުންގެ މަޖިލީހެއް އޮތުމުން، މިއުސޫލު ގައިމުކުރެ ވުނީއެވެ. ވަރަށް ފަސޭހައެވެ. ބޮޑުޚަރަދުތަކާއި ވެރިކަމުގެ ހައިބަތުތަކެއް ހިމަނާކަށް ނުޖެހެއެވެ. ވަރަށް ސާދާ ވައްތަރެކެވެ. ފަހެ، މިދެންނެވި މައިގަނޑު ތިންވައްތަރުން ނެއްޓިގެން ބިނާކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ދުނިޔެއަކު ނުވާނެއެވެ.
ފަހެ، މިތިންވައްތަރަކީ، މިހާރު ބޮޑު މަޖިލީހުގައި ބަހުސް ކުރެވެމުންދާ ތިންވައްތަރު ކަމުގައިވާ ރިޔާސީނިޒާމާއި ބަރުލަމާނީ ނިޒާމާއި މަސްހުނި ނިޒާމެވެ. ދުނިޔޭގެ ގިނަގައުމު ތަކުގައި ގެންގުޅެނީ، ގިނައިން މަސްހުނި ނިޒާމެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ނަމުގައިވެސް ގިނަގައުމު ތަކުގައި ގެންގުޅެނީ، ހައިބްރީޑް މިކްސް ނިޒާމެކެވެ. މަސްހުނި ކޮށްލައިގެން އުފައްދާ، އަމިއްލަ ވައްތަރެކެވެ. ކޮންމެވެސް ނަމެއްދީ، ކޮންމެކަހަލަ ވައްތަރެއް ޖެއްސިއަސް އެނިޒާމެއް ވަދެެގެންދާނީ، މަސްހުނި ނިޒާމުގެ ދަށަށެވެ. ދުނިޔޭގެ ސުޕަރޕަވަރ އެމެރިކާގައި ގެންގުޅެނީ ރިޔާސީ ނިޒާމެވެ. ޝާހީ އިނގިރޭސި ވިލާތުގައި އޮންނަނީ، ބަރުލަމާނީ ނިޒާމެވެ. ފްރާންސްގައި ގެންގުޅެނީ މިދެނިޒާމު އެއްކޮށް ލައިގެން ގެންގުޅޭ މަސްހުނި ނިޒާމެކެވެ.
ފަހެ، މިރާއްޖެއަށް ބަލާއިރު، މިރާއްޖޭގައި މިއޮންނަނީ، ރިޔާސީ ވެރިކަމެއްގެ ނަމުގައިއޮންނަ އެންމެގަދީމީ ޒަމާނުގައި މިސްރުގައި ގެންގުޅުނު ވައްތަރުގެ ފިރްޢައުނީ ވެރިކަމުގެ ވައްތަރަކަށް ބައްޓަންވެގެންދާ ނިޒާމެކެވެ. ކަމުވޮށިގެންވާ، އެންމެންތިބޭނީ ވެރިމީހާގެ ދަށަށްގެނެސް ގަނެލާފައެވެ. ބިރުދައްކާފައެވެ. ރައްޔިތުން ބައިތިއްބާނީ، ބައިބައިކޮށް ދަރަޖަތަކަކަށް ބަހާލާފައެވެ. ވިއްސިވިހާލި ކޮށްލާފައެވެ. ވެރިކަން ހިންގާނީ، ބޮޑުންގެ ދަރުބާރު ތަކުގައެވެ. ބޮޑުންގެ ތިމާގެކަމަށާއި ގާތްކަމަށް ބަލައިގެންނެވެ. ރައްޔިތުންގެ ހަމަހަމަކަމާއި އިންސާފަށް ބެލުމެއް ނެތިއެވެ. ރާއްޖޭގައިވެސް މިފަދަ ދަރުބާރުތައް އާރަށުން ފެށިގެން އެތަންމިތާގައި އެބަހުއްޓެވެ. ކޮންމެބޮޑަކަށް ހޮލިޑޭ ރިސޯޓެއްގެ ގޮތުގައި މަޖާކުރާނެ ދަރުބާރުތައް ހުރެއެވެ. ފަޅުރަށްތައް އަމިއްލައަށް ބިނާކޮށްފައި ހުރެއެވެ. އޮނަރަބްލް އަބްދު ﷲ ހަމީދު ގެންގުޅުއްވާ ފަޅުރަށެއް ބ.އަތޮޅުގައި އޮވެއެވެ. މާލެއާއި ހުޅުލެއާ ދޭތެރޭގައި އޮންނަ، ފުނަދޫއަކީ ވެސް ބޮޑަކު ބޭނުން ކުރައްވަމުން ގެންދަވާ ހިތްގައިމު ދަރުބާރެކެވެ. ކޮންމެދުވަހަކު ހަވީރު ސްޕީޑްލޯންޗްގައި ވަޑައިގަންނަވާ ތަންފެނެއެވެ. ވެރިމީހާއާއި ބޮޑުންނަށް އާދޭސް ދަންނަވައިގެން ނޫނީ، އެއްވެސް އެދުމެއް ނުފުއްދޭގޮތަށް ހުރިހާކަމެއް ހުންނާނީ ރާވާހަމަ ޖައްސާފައެވެ. ބޮޑެތިވިޔަފާރި ވެރިންނާއި ބޮޑެތި މަހުޖަނުންތިބޭނީ، ވެރިމީހާ ދެކެބިރުން، ވެރިމީހާގެ ފަހަތަށްޖެހި ހަމަހިމޭންކޮށް، މަޑުންތިބޭވަރަށް ފައިސާހޯދޭނެ ވަސީލަތްތަކުގެ މަގުފަހިކޮށް ދީފައެވެ. ބިޑަކާ ނުލައި ރައްޔިތުންގެ ހައްގުމުދާ ކަމުގައިވާ ފަޅުރަށްތައް ދިގުމުއްދަތަށް ދީފައެވެ. އެންމެ މަޝްހޫރު ބުރުމާ ގާސިމަށް ބައްލަވާށެވެ. އަދި ޗަންޕާ އަފީފާއި ކޮލިމޮހަދޭ އާއި ވަހީދުއްދީނާއި ސީޕްރިޔާ ސައީދަށް ބައްލަވާށެވެ. ރައީސް މައުމޫނަށް މަޝްވަރާދީ ލަފާއަރުވާ ބޭފުޅުންނެވެ. މިއީ އެމީހުން ޓެރަރައިޒްކޮށް އެމީހުންދަށުލާފައި ބޭތިއްބެވުމަށް ޖަހާފައިވާ ވައްގޮށެކެވެ. ފަހެ، އިގްތިސާދީ މަޝްވަރާއާއި ލަފާދިނުމަށް އިސްކޮށްފައި ތިއްބެވިއްޔާ އެޒިންމާ އުފުއްލަވާތަން ފެންނަން ޖެހޭނެއެވެ. އެމަސައްކަތް ޒިންމާދާރު ގޮތުގައި ކުރައްވަން ޖެހޭނެއެވެ. ދިވެހިގައުމު ހަލާކުވެ، އިގްތިސާދާއި މަޢީޝަތުގެއްލި އަނދަވަޅަކަށް ވެއްޓިގެން ދާއިރު މަޑުންތިއްބަވައި ގެންނުވާނެއެވެ. ދިވެހިގައުމު އަނދަވަޅަކަށް އެއްލައިނުލައްވާ ގައުމީޓީވީއާއި ރޭޑިޔޯއަށް ނުކުމެވަޑައިގެން ރާއްޖޭގެ އިގްތިސާދާއި މަޢީޝަތަށް ވަމުންމިދާ ގޮތެއް އެބޭފުޅެއްގެ ތަޖްރިބާގައި ހުރިމިން ވަރަކުން، ރައްޔިތުންނަށް ތަފްސީލު ކޮށް ނުދެއްވަނީ ކީއްވެގެންތޯއެވެ؟ ފަހެ، ތިޔަބޭފުޅުން، ރައްޔިތުން ކުރިމަތީގައި، އެޒިންމާ ބޮލުގައި އެޅުއްވުމަށް ތައްޔާރުވެގެން ތިއްބެވީމުތޯ ސުވާލުކޮށް ލަންއެބަޖެހެއެވެ.
ފަހެ، ރާއްޖޭގެ ވިޔަފާރި ވެރިންގެ ޖަމުއިއްޔާއޮތީ ވަޅުޖަހާފައެވެ. ދެފައިބިނދި ފައެވެ. މިޗެންބަރުގެ މަގްސަދާއި މަސްއޫލިއްޔަތުގެ ޒިންމާއުފުލާކަށް އެކަކަށްވެސް ނުކެރެއެވެ. ޗެންބަރުގެ ރައީސްކަމަށް ވާދަކުރާއިރު ވަރަށް ހިތްވަރާއި ފޯރިހުރެއެވެ. ދެންވާގޮތެއް ހަމައެއްގޮތަކަށް ވެސް ނޭނގެއެވެ. ފަހެ، މިޗެންްބަރުގެ ރައީސްކަން، ކޮނޑުގައި އަޅުއްވައިގެން ހުންނެވި، ސީރިއަސް ޒިންމާ ރަސްމީކޮށް އުފުއްލެވުމަށް ހަރުއަޑުން ގޮވާލަމެވެ. މިޗެންބަރުން ރައްޔިތުންނަށް ފައިދާހުންނާނެ ކަންތައް ފޯރުކޮށް ދިނުމަށް ގޮވާލަމެވެ.
އާދެ! ދިވެހި ދައުލަތުގައި ބަޖެޓްވަކިކުރެވި ފައިހުރި، މުއައްސަސާތައް ބަނގުރޫޓްވެ އިނދަޖެހެމުން ދާއިރު، ކަމެއްނުކުރާތާ ބަޔާނެއްހާ ހިސާބުވެސް ދިވެހިވިޔަފާރި ވެރިންގެ ފަރާތުން ނެރެލާކަށް ނުކެރެއެވެ. މިފަދަ ޗެންބަރުތައް މުސްތަގިއްލު ތަންތަނުގެ ގޮތުގައި ހަރަކާތްތެރި ވެގެންނޫނީ، މަގުފުރެދިފައިވާ ފާސިދު ސަރުކާރު ހަމައަކަށް ނޭޅުވޭނެއެވެ. ފަހެ، ފަތުރުވެރިކަމުގެ ޖަމުއިއްޔާ، “މަޓީ” އާއި އިމްރާނީ މަސައްކަތްތެރިންގެ ޖަމުއިއްޔާ، “މަސީ” އަށް ވެސް، އޮތީ މިބަލިޖެހިފައެވެ. ޒިންމާދާރު ވާންވީއެވެ. ދަންނަވާލަންއޮތީ އަވަހަށް ޒިންމާދާރު ވާށެވެ! ރައްޔިތުންގެ އިހްސާސްތައް ދަނެގަންނާށެވެ!
ފަހެ، ދަންނާށެވެ! ދިވެހި ރާއްޖޭގެ ރައްޔިތުންގެ ގައުމީ ކަރަންޓު އުފައްދާ ކުންފުނި، ސްޓެލްކޯގެ ހާލަތު އޮތް ގޮތެއް ރައްޔިތުންގެ މަޖިލީހަށް އެނގިފައެއް ނެތެވެ. އެކަމާއަޅާލާއުޅޭ އެއްވެސް ފަރާތެއް ނެތެވެ. ސަރުކާރުގައި އެދެމުން ގެންދާހާ ވަރަކަށް، ފަންސާސް މިލިއަނުން، ސަތޭކަމިލިއަނުން ފައިސާދޫކޮށް ދެނީއެވެ. އަދިވެސް ރައްޔިތުންގެ ފައިސާތައް ގަނޑުކޮށް އެތަން ތަނަށް އޮއްސަމުން ގެންދަނީއެވެ. އެއަށްފަހު، ވާނުވާގޮތެއް ބަލާލުމެއް ނެތެވެ. ފަހެ، ކޮންމެނިޒާމެއްގެ ވެރިކަމެއް އޮތަސް މިއީ ވެގެންވާނެ ގޮތެއްނޫނެވެ. މަސްވެރިކަމުގެ ކުންފުނި މިފްކޯ ފެށުނީސްސުރެ އަދުގެ ހާލަތާހަމައަށް، އޯޑިޓް ކުރެވި، ވާނުވާ ރައްޔިތުންނަށް އޮޅުންފިލަން ޖެހޭނެއެވެ. ސަރުކާރުން މިކަހަލަކަމެއް ނުކުރުވާތާ، ރައްޔިތުންގެ މަޖިލީހުން ވެސް އަޅާލަނީކީ ނޫނެވެ. ފަހެ، ޑިކްޓޭޓަރެއްގެ ނިމުން އަންނައިރު އެންމެ ބޮޑަށް ރައްޔިތުން ސަމާލުވާން ޖެހޭނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކާ މެދުގައެވެ. ފަހެ، މިވޭތިޔަވެދިޔަ ދިގުމުއްދަތުގައި ސަރުކާރުގެ ކުންފުންޏެއްގައި ފައިސާނެތިގެން އުޅުނުތަނެއް ނާދެއެވެ. އެއްގޮތަކަށް ވެސް އެކަހަލަ ތަނެއް ނުފެނެއެވެ. ހެސްކިޔާފަ ފައިދާވިއެވެ. މެނޭޖިންގ ޑިރެކްޓަރުންތައް މަޖާނެގީއެވެ. އުދުހުނީއެވެ. މިފްކޯ ދިރުވާލި މީހުންގެ ފައިސާގަނޑުން ކުރާކަންތައް ފެންނާން އެބަހުއްޓެވެ. ރައްޔިތުންގެ ކަނޑުބޯޓުފަހަރުން ނާޖާއިޒު ފައިދާނެގި މީހުންގެ ވިޔަފާރިތައް އެތަންމިތާގައި ފެންނަން އެބަހުއްޓެވެ. ރައްޔިތުންގެ ފެންކުންފުނިން ވިފައިދާއަށް ބައްލަވާށެވެ. އެހެނަސް ތުންތުންމަތިން މިހާރު އިވެމުންދަނީ، ސަރުކާރާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތައް ބަނގުރޫޓް ވަމުންދާ އަޑެވެ. ހަގީގަތަކީ ވެސް އެއީއެވެ. ފަހެ، މިއީ ރައްޔިތުން ސަމާލު ވާންޖެހޭ ވަރަށް ސެންސިޓިވް ކަމެކެވެ. އެސްޓީއޯއާއި އެމްޓީސީސީއަށް އަދި ބޭންކް އޮފް މޯލްޑިވްސް ހިންގުމަށް ދައުލަތުގެ ޚަޒާނާއިން ފައިސާނަގަން ޖެހޭތަން ނާންނާނެއެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ކޮންމެއަހަރަކު ރައްޔިތުންގެ ފައިސާއިން މިކުންފުނިތައް ހިންގުމަށް ގަނޑުކޮށް ފައިސާ ދޫކުރުމަކީ، ރަނގަޅު އުސޫލެއް ނޫނެވެ. ކުރުން ރަނގަޅުކަމެއް ވެސް ނޫނެވެ.
އާދެ! މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ކޮންޕެނީ އާއި ދިރާގު އަދި އެމްޑަބްލިޔޫ އެސްސީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީއާއި އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޕޯޓްސް އެތޯރޮޓީއާއި ޕޯސްޓް ލިމިޓަޑާއި ވިލިގިލި އިންވެސްޓް މެންޓާ މިކުންފުނިތަކަކީ، ވެރިކަމާބެހޭ ކޮންމެނިޒާމެއްގެ ވާހަކަދެއްކި އަސް، ރައްޔިތުންގެ ސަމާލުކަން މިވަގުތައް ދޭންޖެހޭ ރައްޔިތުން ހިއްސާވާ ކުންފުނިތަކެވެ. ރައްޔިތުންގެ އަމިއްލަ ތަންތަނެވެ. ފަހެ، މިކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުންތަކާ ސުވާލުކުރެވި، ރައްޔިތުންގެ މަޖިލީހުގެ ދައުރު މާލޭގެ އިއްޒަތްތެރި މެންބަރުން ލައްވާއާލާކޮށް، ދިރުވާއި ފުޅާކޮށް ހިންގުވުމަކީ ރައްޔިތުންގެ ފުރަތަމަ ޒިންމާކަން ހަނދާންކުރަން ޖެހޭނެއެވެ. އެހެންނޫނީ ފަހުންމާގޯސް ވެދާނެއެވެ. ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ނެއެވެ. ތިމާހުންނެވި މަގާމަށް ޒިންމާދާރުވެ، މަސްއޫލު ވުމަކީ އެއީއެވެ. ފިނޭންސް މިނިސްޓަރ އޮނަރަބްލް ގާސިމްގެ އެދުމަށް، ސަތޭކަ މިލިޔަން ރުފިޔާ ސްޓެލްކޯ ހިންގުމަށް ގަނޑުކޮށް، ދައުލަތުގެ ޚަޒާނާއިންދީފައި މަޑުން ބަލަން ތިބެންވީ ތޯއެވެ؟
އާދެ! ރައްޔިތުންގެ މަޖިލީހަކީ، އެންމެބާރުގަދަ ތަނެވެ. ރައްޔިތުންގެ ބާރަކީ، ރައްޔިތުންގެ މަޖިލީހެވެ. ގާނޫނު އަސާސީ ބުނާގޮތުން ހުރިހާބާރެއް ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެވެ. ސަރުކާރުން އެކިކަންތައްތައް ރައްޔިތުންގެ ބޮލުގައިނާޅުވާ، ރައްޔިތުންގެ ތެރެއިން ޒިންމާދާރު މަދުބައެއްގެ ބޮލުގައި އަޅުވަނީ އެހެން ވެގެންނެވެ. ރައްޔިތުންގެ ބާރުހެޔޮ ގޮތުގައި ދެމެހެއްޓުމަށެވެ. ފަހެ، އިސްލާހީ ހަރަކާތަށް މުޅިރައްޔިތުންގެ ބައިވެރިވުން ލިބެންޖެހޭނެއެވެ. ޒިންމާނުއުފުލާ މީހުންޒިންމާދާރު ކުރެވޭނީ އޭރުންނެވެ. ދަންނާށެވެ! މިހެންމިގޮތަށް ބަލަބަލާތިއްބާ ބޭންކް އޮފް މޯލްޑިވްސް ބަނގުރޫޓު ވެއްޖެއްޔާ، ދިވެހިންގެ ފައިސާކޮޅަށް ވާނީ ކިހިނެއްބާވައެވެ. ސަރުކާރު ވެއްޓުމާއެކު ޑިކްޓޭޓަރާ، މިސުރުކަހަލަ ކޮންމެވެސް ގައުމަކުން ހަވާލުވާނެއެވެ. ވެރިކަމަށް އަރާ އިސްލާހީ ލީޑަރަށް ކެރިއްޖެއްޔާ މިކަންމިގޮތަށް ކުރެވިދާނެއެވެ. އެހެނަސް ރައްޔިތުންގެ އަތުން ގެއްލުނު ފައިސާއާ ހަވާލުވެ ޒިންމާނަގާނެ ފަރާތެއް ނުވާނެއެވެ. ފައިސާދޭނެ ގައުމެއްވެސް ނުވާނެއެވެ. ފަހެ، ރަޝިޔާއާއި އިރާގަށް ވީގޮތްވިޔަ ނުދެއްވާށެވެ. އޭ! ރައްޔިތުންނޭވެ! ހޭލާތިއްބަވާށެވެ! ލިޔުން ތެރިންނަށް ކޮށްދެވޭނެ ކަމަކީ، ހަދާންކޮށް ދިނުމެވެ. އެނޫންކަމެއް ނުކުރެވޭނެއެވެ. މިކަންތައް ވިސްނުމުގައި ބަހައްޓަންވީ، ސިޔާސީ ލީޑަރުންނެވެ. ސިޔާސީޕާޓީތަކުގެ އެކްޓިވިސްޓުންނެވެ. ގާނޫނު އަސާސީ އިސްލާހުކުރުމުގެ ވާހަކައާއި ވެރިކަމުގެ ނިޒާމުގެ ވާހަކަތަކުގެ ފޮނިކަމުގެ ތެރޭގައި ތިބޭއިރު، މިހުރީ ވިސްނާލަންޖެހޭ މުހިންމު ދިމަދިމާކަން ކަށަވަރެވެ. އަބަދުވެސް ދިވެހިން ހަދާން ކުރަންޖެހޭނީ، ރައީސް މައުމޫނުގެ ވެރިކަން ވެއްޓޭއިރު އެންމެ އަވަހަށް ބަނގުރޫޓުވާނީ، ބޭންކް އޮފް މޯލްޑިވްސް އާއި އެމްޓީޑީސީ އާއި ރައްޔިތުންގެ ހިއްސާވާ މިފަދަކުންފުނި ތަކެވެ. ވީމާ އަވަސް ވެގަންނަންވީ، އޮނަރަބްލް އިބްރާހީމް އިސްމާޢީލާއި އޮނަރަބްލް މުހަންމަދު ޝިހާބު ލައްވާ މިކަމަށް އެޅެންހުރި ހުރިހާފިޔަވަޅު ތަކެއް ވީހާއަވަހަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެޅުވުމަށެވެ. ރައްޔިތުންގެ ފައިސާކޮޅު ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. ފަހެ، އެދެބޭފުޅުންނަކީ، މާލޭގެ ރައްޔިތުންގެ ދިފާޢުގައި އަބަދުވެސް ތައްޔާރަށް ތިއްބަވަންޖެހޭ މާލޭގެ ދެގޮނޑީގައި އިށީދެވަޑައިގެން ތިއްބެވި ދެބޭފުޅުންނެވެ. މިކަމަށް ލަސްނުކުރައް ވާށެވެ. ދެބޭފުޅުންނަށް ވެސް، މިކަމުގައި އުޅެދެއްވުމަށް މަޖްބޫރު ކުރުވާށެވެ. އަވަސް ހަރަކާތަށް ރައްޔިތުން އައުން މުހިންމީ މިހާރުއެވެ.
އާދެ! އެސްޓީއޯއިން ސްރީލަންކާގައި ގެންގުޅުނު ސައިފަތްދަނޑުގައި ހިނގަމުން ދިޔައީ ކޮންކަހަލަ ކަންތައް ތަކެއްތޯ، މާލޭގެ އިއްޒަތްރެރި ދެމެންބަރުން ރައްޔިތުންނަށް ސާފުކޮށްދެއްވަން މިހާރުވެސް ޖެހިފައި ވެއެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި މިކުންފުނިތަކުގެ ހަގީގީހާލަތު ރައްޔިތުންނަށް ސާފުކޮށް ދެއްވާށެވެ. އަވަސް ކުރައްވާށެވެ. އަޅުގަނޑު އެކަމަށް އިލްތިމާސްކޮށް ހަރުއަޑުން ގޮވާލަމެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހަނާގައި، ވެރިކަންކުރާނެ ވައްތަރެއްގެ ފޮނިއުންމީދުގެ ޖާދޫތައް ދައްކައިގެން، ރައްޔިތުން ކިތަންމެހާ ދުވަހަކު މިގޮތަށް މިވެރިން ބައިތިއްބަ ފާނެއެވެ. ފަހެ، އެހެންހެދިޔަ ނުދެއްވާށެވެ. ރައްޔިތުންގެ ބާރު، އަމިއްލަ އަތްމައްޗަށް ލިބިގަންނާށެވެ. މަޑުން ނުތިއްބަވާށެވެ.
އާދެ! އަޅުގަނޑު ފަރުދީގޮތުން ގަބޫލުކުރަނީ، ރާއްޖޭގައި މުސްތަގިއްލުކޮށް ބާރުތައް ވަކިވެފައި އޮންނަވައްތަރުގެ ޖުމްހޫރީ ރިޔާސީ ވެރިކަމެއް މިރާއްޖޭގައި އޮތުމަށެވެ. ހުރިހާބާރުތަކެއް އެކުލެވޭ މުއައްސަސާތައް ހުންނަންވާނީ އަމިއްލަ މުސްތަގިއްލު ކަންމަތީގައެވެ. އެއްގޮތަކަށް ވެސް ރައީސްއޮފީހުން ބެހެވިގެން ނުވާނެއެވެ. މިފަދަ މުސްތަގިއްލު މަރުކަޒީ މަގާމުތަކާއި އިދާރާތަކަކީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލާއި އަތޮޅުވެރިންނާއި ޖުޑީޝަލް ސާވިސަސްއާއި ސިވިލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި އެމްއެމްއޭއާއި އޮޑިޓަރ ޖެނެރަލް ފަދަ މަގާމުތަކާއި ތަންތަނެވެ. މިހުރީ ހައްތާވެސް ގާނޫނު އަސާސީގައި ލިޔަންޖެހޭނެ އަމިއްލަ މުސްތަގިއްލު މަގާމުތަކާއި މަރުކަޒީ އިދާރާތަކެވެ. އެންމެ ބާރުގަދަކޮށް އޮންނަންވާނީ، ޝަރީޢަތްކުރާ ފަރާތުގެ އަމިއްލަވަންތަ މުސްތަގިއްލު ބާރެވެ. އެއްގޮތަކަށް ވެސް ރައީސުލް ޖުމްހޫރިއްޔާއާ އެއްވެސް ގުޅުމެއްނެތް، މުޅިންވަކިބާރެއްގެ ގޮތުގައެވެ. އާދެ! މިމުއައްސަސާ ވާންޖެހޭނީ، ވަރަށް މުސްތަގިއްލު ވަރަށްވަރުގަދަ އަމިއްލަކަން ގަދަ މުއައްސަސާ އަކަށެވެ. ހުރިހާ ދިމާއަކުން އަންނަ މައްސަލަތަކަށް އަދުލުއިންސާފު ހޯދައިދެވޭނެ ބާރަކަށް ވާންޖެހޭނެއެވެ.
ފަހެ، ދަންނާށެވެ! ސައްތައިން ސައްތަ މުސްލިމުންނަށް ވާތީ، ރައްޔިތުންގެ މަޖިލީހަކީ، ވެސް ވަރަށް މުސްތަގިއްލު މުއައްސަސާ އަކަށް ވާންޖެހޭނެއެވެ. އެއްގޮތަކަށް ވެސް ދައުލަތާއިދީން ވަކިކޮށްގެން ނުވާނެއެވެ. ދުސްތޫރުން ދީންހިމާޔަތް ވާންޖެހޭނެއެވެ. އަސާސީގެ އަސްލަކަށް ވާންޖެހޭނީ އިސްލާމްދީނެވެ. އާދެ! މިއިން އެއްވެސް މުއައްސަސާ އަކުން ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފުވެއްޖެ ނަމަ، އެކަމެއް ޝަރީޢަތުން އިންސާފުވެރިކޮށް ބަލައިދެވޭނެއެވެ. އަދުލް އިންސާފާބެހޭ މުއައްސަސާ ހަމައިންނެއްޓި އިންސާފުން އެއްކިބާވާ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ދާއިމީކޮމެޓީގެ ދައުރު ފެށެންވާނެއެވެ. އެއްގޮތަކަށް ވެސް މަޑުން ހަމަހިމޭންކޮށް އެކޮމެޓީ އޮވެގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުން ޒިންމާއުފުލުމާއެކު، މުސްތަގިއްލު މުއައްސަސާތައް ހަމައަށް އަޅުވާންވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރަކީ މުޅިންވަކިވެފައި އޮންނަމާވަރުގަދަ ބާރަކަށްވަނީ އެހެންވެގެންނެވެ. ސަރުކާރު ހިންގާނުހިނގާ ގޮތް، ވަރަށް ކައިރިން ބަލަންޖެހޭ ނެއެވެ. ރަނގަޅަށް ޒިންމާއުފުލަން ޖެހޭނެއެވެ. ގާނޫނުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލަހައްޓަން ޖެހޭނެއެވެ.
އާދެ! ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ކުރުވާއި މަސްއޫލިއްޔަތު އުފުލަންޖެހޭ ދަނޑިވަޅުގައި އެކަންކުރުވާއި ސީދާމަގަށް އަޅުވާނީ، އެކިއެކިސިޔާސީ ޕާޓީތަކުން، މަޖިލީހަށް ވަދެތިއްބަވާ އިއްޒަތްތެރި މެންބަރުންނެވެ. އެންމެ ބޮޑަށް އެޒިންމާއާއި މަސްއޫލިއްޔަތު ބޮލުގައި އަޅުއްވަންޖެހޭނީ، އިދިކޮޅުޕާޓީތަކުން ތިއްބަވާ މެންބަރުނަށެވެ. ވެރިކަން ކުރުމުގައި ރިޔާސީނިޒާމެއް ޚިޔާރުކުރާނަމަ، ޚިޔާރުކުރަންވާނީ މިސިސްޓަމަށެވެ. މިކަންކަން ވަކިވަކިން، ވަރަށް ތަފްސީލުކޮށް ގާނޫނު އަސާސީގައި ލިޔެވިފައި ހުންނަން ޖެހޭނެއެވެ. މިއަންނަ، 85 ވަނަ ޖަލްސާއިން ފާސްވާނީ، މިދެވައް ތަރުންކުރެ ކޮންމެވެސް އެއްވައް ތަރެއްކަން ޔަގީނެވެ. ފަހެ، ވެރިކަންކުރާ ފަރާތުން ބޭނުންވަނީ، އެއްވެސް ނިޒާމެއް ފާސްނުކޮށް ބޮޑުމަޖިލީހުގެ ޖަލްސާތައް ދިގުދަންމާ ލާށެވެ. މިވާހަކަ އަޅުގަނޑުވާނީ ތަޅުމުގައި ގޮވާފައެވެ. އިއުލާނު ކޮށްފައެވެ. އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ވެރިކަމުގެ ނިޒާމުތަކުގެ ތެރެއިން، މިދެވައްތަރުން ކޮންމެ ވައްތަރަކަށް ދާން ފާސްވިއަސް ގާނޫނު އަސާސީގައި ވަރަށް ތަފްސީލުކޮށް ބާރުތަކާއި މުސްތަގިއްލު އެހެން މަގާމުތަކާއި މަރުކަޒީ އިދާރާތަކާއި ޝަރީޢަތްކުރާ ފަރާތުގެ މުސްތަގިއްލުކަން ލިޔެވިފައި އޮންނަންވާ ނެއެވެ.
ފަހެ، ދަންނާށެވެ! ބޮޑުވަޒީރަކު ބަހައްޓައިގެން ވެރިކަންކުރާ، ބަރުލަމާނީ ނިޒާމަށް ބުރަވިޔަސް ރައްޔިތުންގެ މަޖިލީހުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމަގޮތުގައި ނުއުފުލިއްޖެނަމަ، އެނިޒާމެއް ބަރުބާދުވެ މަސްހުނިވީ އެވެ. ފަހެ، މަސްހުނި ނިޒާމަކީ، ޑިކްޓޭޓަރުން އުފައްދާއި ދިރުވާއި ވަރުގަދަކޮށް، ބާރުވެރުކުރުވާ ވައްތަރެކެވެ. ރިޔާސީނިޒާމޭ ނުވަތަ ބަރުލަމާނީނިޒާމޭ ކިއަސް އެންމެ ރަނގަޅެވެ. މަސްހުނި ނިޒާމަކަށް ވިޔަނުދެއްވުމަކީ، އިދިކޮޅުޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަން ރައްޔިތުން އަބަދުވެސް ދަންނަން ވާނެއެވެ. އަޅުގަނޑު ފަރުދީގޮތުން ތާއީދުކުރަނީ، ރާއްޖެފަދަ ކުޑަގައުމަކަށް އެންމެކަމުދާނީ، މުސްތަގިއްލު ރިޔާސީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބައްޓަންކުރާށެވެ. ފަހެ، މިވާހަކަތަކަށް ވިސްނާއި ފިކުރުކޮށް ހެދުމަކީ، ރައްޔިތުން ހޭލުންތެރިވެ ހައްގުތައް ދިފާޢުކުރުމަށް އޮތްހަމައެކަނި މަގުކަން ދަންނާށެވެ. އޭ! ﷲ އެވެ! ދިވެހިންނަކީ، މިކަމަށް އަހުލުވެރިބައެއް ކަމުގައި ލައްވާށިއެވެ! އާމީން!


Comments