އިޖްތިމާޢީ އަދާލަތު.
- ilyashusein
- Oct 23, 2009
- 4 min read
=އިލްޔާސް ހުސައިން އިބްރާހިމް. ލިޔުނީ: 2006މ، ގައި=
ﷲ ތަޢާލާ އިންސާނުން އެންމެ މާތް ސިފައިގައި ހައްދަވައި ބުއްދިދެއްވައި މަޚްލޫޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ކުރެއްވުމުގެ، އަޖައިބުތަކުގެ ތެރެއިން އެއް އަޖައިބަކީ، އިންސަނުން ފިތުނަ ފަސާދައާއި ބަރަހަނާ (NUDISM) ކަމާއި ހުރި ދުރުހެލި ކަމެވެ. ފަސާދައާއި ބަރަހަނާ ކަމަކީ އިންސާނާއަށް މަނާކުރެވިފައިވާ ދެކަމެވެ. އެހެން ވުމުން އަބަދުވެސް ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނީ އިންސާނުން ގައިގައިވާ ހުސްޠާހިރު ވަންތަކަމުން އެއްކިބާކޮށް މަކަރުވެރިކަމާއި ނަޖިހުން ތަތްތެޅިފައިވާ ފިތުނަ ފަސާދައާއި ބަރަހަނާ ކަމުގެ ތެރެއަށް ވައްދައި ޣަރަގުކޮށްލުމަށެވެ. އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ހައްވާއާއި އިންސާނީ ދަރިފަސްކޮޅަށް އަދާވާތްތެރިއެއްގެ ގޮތުގައި ޝައިޠާނާ ވިއެވެ. ލަޢުނަތްލެއްވުނު މި އިބްލީސް ވަނީ، ސުވަރުގޭގައި، އަދާމުގެފާނަށް ﷲގެ ބަސްފުޅު އެއްގޮތަކަށް ވެސް ނޭހުމަށް ވަސްވާސް ލައިދީފައެވެ. އަދި އާދަމުގެފާނުގެ ދެކަނބަލުން ސުވަރުގޭން ބޭރަށް ނެރެލުމަށްޓަކައި ރޭވި މަކަރުވެރިކަމުގައި ޝައިޠާނާއަށް ވަނީ، މިހެން ބުނެގެން ނޫނީ ހައްލާނުލެވި ފައެވެ. އިބިލީހުގެ މަކަރުވެރި ވަސްވާހުގައި އެބޭފުޅުން ޖެހިވަޑައިގެންފައި ވަނީ، އިބިލީސް މިފާޑަށް މަސައްކަތް ކުރުމުންނެވެ. <އޭ އާދަމުގެފާނެވެ! ކަލޭގެފާނު އެގަހުން ފަރީއްކުޅުއްވައިފިނަމަ، އަބަދަށް ދެމިހުންނާނޭ ޝަޖަރަތުލްޚުލްދަކާއި ފަނާވެގެން ނުދާނޭ މުލްކެއް (ވެރިކަމެއް) ކަލޭގެފާނަށް ތިމަން ދައްކަންހެއްޔެވެ؟> (ސޫރާ ޠާހާ 120)
އަދި އަދަށްވެސް އިންސާނުންގެ ފިޠުރަތު ދެމެމުން އައިސްފައިވަނީ މިގޮތަށެވެ. މިއަދުވެސް ހުރިހާ ނުބަޔަކާއި މޮޔަ ނަޢުރާތަކަށް އިންސާނުން ހައްލުވައި ދޮގު ލިބާސްލައްވަމުން މަކަރާއި ހީލަތް މަގުބޫލު އެއްޗަކަށް ހަދުވަނީ، އެސުންޕާ ޝައިޠާނަށް ގަންނަ އިބިލީހެވެ. މިސޮރުގެ ވަސްވާސްތައް ވެސް ވަނީ ގްލޯބަލައިޒްވެ ތަރައްގީ ކޮށްފައެވެ. މިޒަމާނުގައި އެންމެ ބޮޑަށް އިންސާނީ ދަރިފަސްކޮޅަށް މިފަދަ ވަސްވާހުގެ މަކަރާއި ހީލަތްތައް ދެމުންގެންދަނީ އިޖްތިމާޢީ އަދާލަތު (SOCIAL JUSTICE) ގެ ނަމުގައެވެ. މިއަޑު އުފުލުމުގެ ކުރީގައިވެސް ދުނިޔެއަށް މިނުލަފާ ޝައިޠާނުވަނީ، ފަރުދީ މިނިވަންކަން (INDIVIDUAL LIBERTY) މިނަގުއާއި (LIBERALISM) މިނަމުގައި އަޑުތައް އުފުލައި ދީފައެވެ. އިސްލާމުން މަގުފުރައްދާއި ތެދުމަގުން އެއްކިބާކޮށްލާފައެވެ. ލިބަރަލް ޑިމޮކްރަސީގެ އަޑަކީ މިހާރުވެސް ވަރަށް ގަދައަށް އުފުލާ އަޑެކެވެ. ރާއްޖޭގެ ޚާއްސަ މަޖިލީހުގެ ތަޅުމުން މާގަދަޔަށް އިވޭ އަޑެކެވެ. އިސްލާމީ ޝަރީޢަތާއި އިސްމާމީ ދަޢުލަތެއްގެ ބިންގަލުން އެއްކިބާކޮށްލުމުގެ ބޭނުމުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 1800މ، ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގައި ލާދީނީ ޖުމުހޫރިއްޔަތެއްގެ އޮށް އިންދައިދީ، މިވިހަގަދަ ނިޒާމު ވަނީ ގާއިމުކޮށް ދީފައެވެ. އާދެ! މާގިނަ ދުވަސްތަކެއް ނުވެ، މިއަޑުތައް ފެތުރި ދުނިޔޭގައި، އެއީ ހަމަ އިންސާނުން ތަރައްގީވުމުގެ އެންމެ ފަހު ނުގުތާކަމަށް ބައެއްމީހުން ދެކެން ފަށައިފިއެވެ. މިއީ އިންސާނީ ނަޢުގެ އަދުއްވެއް ކަމުގައި ލެއްވި ނުލަފާ އިބިލީހުގެ މަސައްކަތެވެ. އެޝައިތާނުގެ ވަސްވާހެވެ. ސުވަރުގެއާއި ދުނިޔެމަތީގައި ގިޔާމަތަށް ދާންދެން އެސޮރުގެ މިމިޝަން ކުރިއަށް ގެންދާނެ އެވެ. ތިމާއަކީ ތަރައްގީއަށް ލޯބިކުރާ މީހެއް ނަމަ އަމިއްލަ ނަފްސަށްތިމާއަކީ، މިނިވަނެއްކަމަށާއި މިނިވަން ސިކުނޑިއެއްގެ ވެރިއެއް ކަމުގައި ނަޢުރާތައް އިއްވަން ފަށައެވެ. އަދި އެއީ ތަރައްޤީވުމަށް އޮތްމަގު ކަމަށް ދެކެން ފަށައިފިއެވެ. އަދި އިންސާނީ ހަޔާތަށް އޮތް އެންމެ ރަނގަޅު މަގަކީ މީކަމާއި، އަދި ވެރިކަން ކުރުމުގެ އެންމެ ރަނގަޅު ނިޒާމަކީވެސް ދުނިޔެ މިހާރު ދެކެމުން މިދާ ލާދީނީ ޖުމްހޫރިއްޔަތުތައް ކަމަށް ޤަބޫލުކޮށް، ދެކެން ފަށައިފިއެވެ. ލާދީނިއްޔަތާއި ދިމާއަށް، ދިރިހުރުމާއި ދިރިއުޅުމުގެ ހުރިހާ ކަމެއް އަމާޒު ވެއްޖެއެވެ. ތަޢުލީމީ ނިޒާމުގެ އަމާޒަކީ ލާދީނިއްޔަތަށް ވެއްޖެއެވެ. އިސްލާމީ ގައުމުތަކުގެ، ޚާއްސަކޮށް ސައްތައިން ސައްތަ އިސްލާމީ ގައުމުތަކުގެ ތަޢުލީމީ މަންހަޖު ލާދީނީ ކުރުމުގެ މަސައްކަތް މިހާރުދަނީ ހުޅުވިފައިވާ މާހައުލެއްގައި ވަރަށްބާރަށް ކުރަމުންނެވެ. އަދި ވެރިކަމުގެ ނިޒާމުގެ ތެރެއަށް ވަނީ ލާދީނިއްޔަތު ވައްދާފައެވެ. މިރޭވުންތައް ނޭގި ތިއްބާ ތަންފީޒުވަމުން މިދަނީ ދުނިޔޭގެ ބޮޑު އިބިލީހުގެ ރޭވުމުގެ ދަށުންނެވެ. ދުނިޔޭގައި ތިބި އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ 120 މީހުން ވެގެން އުފައްދާފައި އޮންނަ، ސިއްރު ސަރުކާރެއް އޮވެއެވެ. ފަހެ މިމީހުންނަކީ، މޭސަނިކް ފޯފާދަރސްގެ ފްރީމޭސަނަރީންގެ ހިންގާމީހުންނެވެ. ފަހެ، އެއީ ޒައިނިސްޓިންގެ “ކޮންސްޕިރެސީ ތިޔަރީ” އެވެ. ސިއްރު ރޭވުންތަކުގެ ބާރެވެ. އެމެރިކާ ކޮންޓްރޯލް ކުރަނީ މިދަންނަވާ ޒައެނިސްޓް ބާރުންނެވެ. އަހަރަކު އެއްފަހަރު މީގެބޮޑުން ބައްދަލުވެއެވެ. މިހާރު މިބައްދަލުވުން މަޝްހޫރުވެފައި ވަނީ، “ބިލްޑަރބާރގް ގްރޫޕް” ގެނަމުންނެވެ. މިގްރޫޕްގެ ސިއްރުރޭވުން އުފަންވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. ފުރަތަމަ ބައްދަލުވީ، ދަނެދަރލޭނޑްސް ގެ ހޮޓަލެއް ކަމުގައިވާ “ބިލްޑަރބާރގް ހޮޓެލް” ގައެވެ. އެއީ 1954މ، ވަނަ އަހަރުއެވެ. މިގްރޫޕަށް ނަންދެވިފައި ވަނީ، އެހޮޓަލްގެ ނަމުންނެވެ. 2004މ، ވަނައަހަރު މިޖަމާއަތަށް އާދެ! މިސިޔާސީ ފިކުރަށް ފަންސާސް އަހަރު ފުރުންވަނީ، ބޮޑު ޖަލްސާއެއް ބާއްވައިގެން، ސިއްރުގޮތަކަށް ފާހަގަކޮށް ފައެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު މިބައިމީހުން ގަވައިދުން ބައްދަލުވެއެވެ. މީގެން ބައްދަލު ވުމެއްގައި އިރާގަށް އެމެރިކާނުން އެރުމުގެ ކުރިން އަރަންވެއްޖެ ކަމުގެ ވާހަކަތައް ދެއްކިފައި ވެއެވެ. ފަހެ، ދަންނާށޭވެ! މިފަދަ ނިޒާމުތަކާއި ރޭވުންތަކަކީ، ދުނިޔެމަތިން އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތް ނައްތާލަން ރާވާރޭވުން ތަކެވެ.
އާދެ! ކަން މިހެން އޮތަސް ބަލަބަލާ ތިއްބާ އެފަދަ ގަދަފަދަ ނިޒާމުތަކަކީ، ޝައިޠާނީ ނިޒާމުތަކެއް ކަމަށާއި އަނިޔާވެރިކަމުން ފުރިފައިވާ ނިޒާމުތަކެއްކަމަށް މުޅިދުނިޔެ އިހްސާސްކުރަން ފެށިތަން އަތުވެއްޖެއެވެ. މިގޮތުގައި މާގިނަ ޒަމާންތަކެއް ނުވެ އުޅެނިކޮށް އިވެންފެށީ އިޖްތިމާޢީ އަދާލަތުގެ ނަމުގައި އިޝްތިރާކިއްޔަތު (SOCIALISM) ގެ އަޑު އުފުލައިދިންތަނެވެ. މިއީވެސް ކޮންމެވެސް އިބިލީހެއްގެ ވަސްވާހެވެ. މިއީ ގަދަފަދަ ވެގެންއުޅުނު ސޯވިއެޓް ޔޫނިއަން ވުޖޫދަށް ނެރުނު ފިކުރެވެ. މިހާރު އެޔުނިޔަން ރޫޅިއްޖެ އެވެ. އެހެނަސް މިފަދަ ދޮގު ވަސްވާސްތަކުން ފުރިގެންވާ ފިކުރުތައް، އެއްނިޒާމަށް ފަހު އަނެއް ނިޒާމަށް، ދޮގުފޭރާން ލައްވަމުން އެބަގެންދެއެވެ. އޮޅުވާލަމުން އެބަގެންދެއެވެ. ފިޠުރަތުގެ ސީދާމަގަކީ އޮތް އެއްޗެއްކަން ދަންނަ މީހުންނެތި ދަނީއެވެ. ސަމާވީ ދީންތައް އޮޅުވާލާއި މަސްހުނި ގަނޑެއްހެން ހަދައިފިއެވެ. ޒުވާނުންގެ މަގުގެއްލިއްޖެ އެވެ. ބާވައިލެއްވި ސީދާ މަގުގެ ވާހަކަ ދައްކާ މީހަކީ، ހައްދުފަހަނައަޅައި ގޮސްފައިވާ މޮޔައެކެވެ. ނުވަތަ ޓެރަރިސްޓެކެވެ. އިބިލީހުގެ ވަސްވާސްތައް ހާދަހާވާ މޮޅުވެފައި ޗާލެވެ!! ދުނިޔެއިން ޖިހާދު ނައްތާލައި ފިއެވެ.
އާދެ! އަޅުގަނޑުމެން އިންސާނުންނަށް މިގޮތްތަކަކީ އިންސާނީ ތަރައްގީގެ މަގުގައި އެންމެ ތަހުޒީބު ރީތި ގޮތްކަމަށް ބަލައިގެން ފިއެވެ. އެތައް ގައުމުތަކެއްގައި މިހާރަކަށް އައިސް މިފާޑުގެ ވެރިކަމުގެ ނިޒާމުތައް ހިންގަންފެށައި ފިއެވެ. ފަހެ، މިކަމާހެދި ރައްޔިތުންނަށް އަނިޔާވެރިކަމާއި އެކިއެކި މުޢާމަލާތް ހިންގުމަށް ހުރަސްތަކެއް އެޅެން ފަށާފައިވާކަން ތަޖުރިބާ ކުރެވެން ފަށާއިފިއެވެ. މުޅި އިންސާނީ ތާރީޚުގައިވެސް މިމައްސަލަތައް ނުދާ ހިސާބަށް ގޮސް މިހާރުމިވަނީ، ހައްދު ފަހަނައަޅާފައެވެ. ފެންނަމުން ދަނީ ހުދުމުހުތާރު ވެރިންތަކެވެ. ބޭނުން އެއްޗެއްހަދަނީއެވެ. ބޭނުންގޮތެއް ހަދަނީއެވެ. ފައިސާކޮޅެއް ފެންނަ އިރަށް ކާލަނީއެވެ. އެކިއެކި ސްކީމް ތައް ރާވައި ވަގުން ލައްވައި ކާލަނީއެވެ. ރާއްޖޭގައި ތަޢާރަފް ކުރަންއުޅުނު ހެލްތް ސްކީމަށް ވީގޮތް ބައްލަވާށެވެ. ރާއްޖޭގެ މާލިއްޔަތަށް ވާގޮތް ބައްލަވާށެވެ. މިކަހަލަ ސޮސައިޓީތަކުގައި މިހާރަކަށް އައިސް އިޖްތިމާޢީ އަދާލަތުގެ އަޑު އިއްވަމުންދާލެއް މަދެއް ނޫނެވެ. ޒުވާނުންގެ މެދުގައި ހަރަކާތްތަކެއްގެ ސިފައިގައި އެކިއެކި މަރުކަޒުތައް ބިނާކޮށް، މިއަޑުއުފުލައި ބަހުޘް ކުރެވެމުންދާ ސަބަބު ތަކަކީ ، ޑިކްޓޭޓަރުން އެމީހުންގެ އަމިއްލަ އިޖްތިމާޢި އަދާލަތު ތަޢާރަފުކޮށް ހިންގަމުން ގެންދާތީކަން ކަށަވަރެވެ. މިޒާތުގެ އަނދުން އަޅުވަނީ ޒުވާނުންގެ މަރުކަޒުތަކުގެ ރީތި ނަމުގައެވެ. ޙަގީގަތަށް ބަލައިލުމެއް ވިސްނާލުމެއް ނެތި އެކިފާޑުފާޑުގެ، ނަންނަމުގައި އުފައްދާ އިޝްތިރާކިއްޔާތަކީ އިޖްތިމާޢީ އަދާލަތުކަމަށް ދައްކައި މުޖުތަމަޢުގައި އޮންނަންވީ ހަމަހަމަކަމާއި ޢަދުލުވެރިކަމަކީ ވެރިޔާއަށް ފެންނަ ކޮންމެވެސް ވައްތަރެއްގެ ޒަމެކެވެ. ދިވެހިން ތަޖުރިބާ ކުރަމުން މިގެންދަނީ އޭގެ މުޅިން އާވައްތަރެއްގެ ޒަމަކެވެ. މިޒަމުގައި އަރާރުންވުން އިންތިހާއަށް ބޮޑެވެ. އަބަދު އޮންނަނީ ކެބިނެޓް ބަހާލަން ޖެހިފައެވެ. ތާސްބައެއްގެ ގަނޑުތަކެއް ހެންނެވެ. ދިވެހިން މިދެކެމުންދާ “ޒަމަށް” ކިޔަނީ މައުމޫނިޒަމްތޯ ނުވަތަ އެހެން ޒަމެއްތޯ އިންސާފުކޮށްދޭނީ، ރައީސް މައުމޫނުގެ ތާރީޚު ލިޔުއްވާނެ ފަހުގެ މުއައްރިޚުންނެވެ. ސަރުކާރުގެ ބޮޑުންގެ ރޭވުންތައް ރާވައި ކުޅެމުންގެންދާލެއް ވަރަށް ބާރެވެ. ޗާލުވެފައި ރީއްޗެވެ. އެންދެރި ފަޅިންނާއި ކާމިނީ ފަޅިންނެވެ. ބިންތައް މިލްކުކުރުމާއި މުދާތައް މިލްކް ކުރުމާއި އެންޖީއޯތައް އުފައްދައި ދަށުލެވެން ހުރި ހުރިހާއެއްޗެއް ދަށުލުމާއި، ކްލަބްތައް ވެސް ގަނެލާ ދަށުލަމުންދާލެއް ހަލުއި ވެއްޖެއެވެ. ފަހެ، ދަންނާށެވެ! މިއީ އަސާސީގެ ތޭރަ ވަނަ މާއްދާ އެބުނާ ހަމަހަމަ ކަމެއް ނޫނެވެ. ހަގީގީ މައުނާގައި ދެމި އޮންނަންވީ އިޖްތިމާޢީ އަދާލަތު މިހާރު ވަނީ، ވަޅުޖައްސާލާ ފޮރުވާފައެވެ. ބޮޑުންގެ ބޮޑުންނާއި ބޮޑުންވެގެން ވެރިމީހާގެ އަމުރަށް ވެރިކަން ދަމަހައްޓައި ދިނުމަށް ހިންގޭ ބާރެއްގެ ގޮތުގައި އޮވެ، އާދިވެހިރާއްޖެ “ނިއޫމޯލްޑިވްސް” މިނަމުގައި ނެރެފައިވާ ބޮޑުންގެ ވިސްނުން ހުންނަނީ، އެމީހުންގެ އިސްކޮޅާ ހަމައަށެވެ. އެއަށްވުރެ ދުރަށް ނުވިސްނަވައެވެ. ގައުމިއްޔަތު ރޫޅިދާއިރު ބަލަން ތިބީއެވެ. ޒަމާންވީ ވެރިކަމުގެ ތާރީޚާއަށް ނަޒަރު ހިންގާކަށް ބޭނުމެއް ނުވެއެވެ. ހަގީގަތުގައި ސޮސައިޓީގެ ހަމަހަމަކަން ނަގާލަނީ މިމީސްމީހުންނެވެ. މިވެރިންގެ ހިތާއި ސިކުނޑިއަށް އިބިލީސްވަތްލެއް އަވަސްކަން ފާހަނގަ ކުރެވެއެވެ. އަމިއްލަ އެދުން ބޮޑުވި ވަރަކަށް އަވަހަށް ވަސްވާހުގައި ޖެހެއެވެ.
ފަހަކަށް އައިސް ވެރިންގެ ވާހަކަތަކުންނާއި ބައެއް ލިޔުންތަކުން ހާމަކޮށްދެނީ، އިސްލާމް ދީނަކީ އިޖްތިމާޢީ އަދުލުގެ ދީނެއްކަމަށެވެ. އަބަދުވެސް ކިޔަވައިދީ ވިސްނައިދޭން އުޅެނީ އިސްލާމްދީނުގެ މޮޅުކަމާއި ހަމަހަމަ ކަމުގެ ވާހަކައެވެ. އެއްގޮތަކަށްވެސް މުޖުތަމަޢުގައި އެކަން އަށަގަންނުވާކަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ރީތިކޮށް މޮޅަށް ދީނީ ވާހަކަތައް ގެނެސް ދެވުނީމާ ނިމުނީއެވެ. އިބިލީހުގެ ވަޒީފާއަކީވެސް ރީތިމޮޅު ވާހަކަތައް ދައްކައިގެން އާދަމުގެ ދަރިން ހެއްލުމެވެ. ވަސްވާސް ލައިދީ މަގުފުރެއްދުމެވެ. ސުވަރުގޭގައި ވެސް އެސޮރު ކުރީ އެމަސައްކަތެވެ. ޒަލީލުކަމާއެކު ދުނިޔެއަށް އެއްލާލެވުމުންވެސް ކުރަނީ އެ މަސައްކަތެވެ. އެއްވެސް ފާހެއް އައިޑީއެއް ނެތި ހުރިހާތާކަށް މިސޮރު ވަދެވެއެވެ. ސިއްރު މަރުކަޒުތަކަށް ވެސް ޒިޔާރަތް ކުރެވެއެވެ. ސިފައިންނާއި ފުލުހުންގެ މަރުކަޒުތަކަށް ވަދެ ބަޑިޖެހުމަށްވެސް ވަސްވާސްލައިދީ ހަދައެވެ. ފިސްތޯލަފަދަ ހަތިޔާރު އަންބޮޑިތެރެއަށް ލާންވެސް ވަސްވާސްދެއެވެ. އަދި އާދަމުގެ ދަރިޔާގެ ހަށިގަނޑުގެ ތެރެއަށްވެސް، ވަދެ ވަސްވާސް ލައިދެއެވެ.
ހަގީގީ މައުނާގައި އިސްލާމްދީނަށް ރުޖޫޢަނުވެ އިޖްތިމާޢީ އަދާލަތެއް ނުގެނެވޭނެއެވެ. ސޮސައިޓީގައި އިޖްތިމާޢީ އަދާލަތު ގާއިމު ކުރެވޭނީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ގައުމުގެ ދާޚިލީ ކަންތައްތަކާއި ޚާރިޖީ ކަންތައްތައް ބިނާ ކުރެވިގެންނެވެ. މިނޫން އަސްލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކަކީ، އަދި އިއްވާ ޚުޠުބާތަކަކީ، އޮޅުވާލުމެކެވެ. ވަސްވާހެވެ. އިބިލީސް ބޮލު ތެރޭގައި އިނދެގެން ކުރުވާ ކަންތަކެވެ. ރައްޔިތުން އޮޅުވާލުމެއްގެ މަގުފުރެދުމެއްގައި ބޭތިއްބުމަށް ލައްވާ، ރީތި ޒީނަތްތެރި ފޭރާމެކެވެ. އޭ! ﷲ އެވެ! އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އާމީން!


Comments